ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 49 · 2021/SC-A/110

މުޙައްމަދު ސަމާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
5 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 23 ސެޕްޓެމްބަރު 2024ދަށު ކޯޓު: ކްރިމިނަލް ކޯޓު (498/Cr-C/2012)ބާވަތް: ޖިނާއީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-JC/43، 498/Cr-C/2012
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ކްރިމިނަލް ކޯޓުގެ 498/Cr-C/2012 ޤަޟިއްޔާއިން، ޝަރީޢަތުގެ މަޖިލީހުގައި ވި އިޢުތިރާފުގެ މައްޗަށް ބިނާކޮށް ގަސްތުގައި މީހަކު މެރިކަމުގެ ކުށް ސާބިތުވާތީ، އިސްތިއުނާފުކުރި ފަރާތް މެރުމަށް ޙުކުމްކުރިއެވެ. އިސްތިއުނާފު ނުކުރެވުމުން، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 1204 ވަނަ މާއްދާގެ (ރ) ގެ ދަށުން ޙުކުމުގެ ޞައްޙަކަން ކަށަވަރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުގެ 2018/HC-JC/43 ޤަޟިއްޔާއިން ކްރިމިނަލް ކޯޓުގެ ޙުކުމް ޤާއިމްކުރުމުން، އިސްތިއުނާފުކުރި ފަރާތް ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިއެވެ.
ވާޤިޢާ
2012 ޖުލައި 23 ގައި ކ. ކާށިދޫގައި، ގޭގައި ބަންދުކޮށްފައިވަނިކޮށް ގެއިން ނުކުތުމުން ފުލުސް ސްޓޭޝަނަށް ގެންދަން އައި ޕޮލިސް ކޮންސްޓަބްލް އާދަމް ޙަލީމަށް ތޫނު ވަޅިއަކުން ކޮނޑުހުޅު ކައިރިއަށް ހަމަލާދިނުމުން އޭނާ މަރުވިއެވެ. ކްރިމިނަލް ކޯޓުގެ ފުރަތަމަ އަޑުއެހުމުގައި، ވަޅި ހެރުނީ އޭނާގެ އަތުން ކަމަށް ބުނި ނަމަވެސް، މަސްތުގެ ހާލަތުގައި ބިރުދައްކާލުމަށް ވަޅި ހިފީ ކަމަށާއި މެރުމުގެ ނިޔަތެއް ނެތް ކަމަށް ބުނެ ގަސްތު މަރަށް އިންކާރުކުރިއެވެ. ފަހުން ބޭއްވުނު އަޑުއެހުމެއްގައި، އިޢުތިރާފުވީ ފުލުހުން ބިރުދައްކައި އަނިޔާކުރުމުން ކަމަށް ބުނެ ދައުވާއަށް އިންކާރުކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ގަސްތުގައި މީހަކު މެރުމުގެ ދައުވާއެއްގައި، ކުށުގެ މާއްދީ ރުކުނަށް އެއްބަސްވެ ނިޔަތަށް އިންކާރުކޮށް، ހަނުހުރުމުގެ ޙައްޤާއި ވަކީލެއްގެ ޙައްޤު ކުއްލިއަކަށް ދޫކޮށްލުމަށްފަހު ވެފައިވާ އިޢުތިރާފެއްގެ މައްޗަށް އެކަނި ބިނާކޮށް، އެއަށް ބާރުދޭ މިނިވަން ހެކި ނެތި، ކުށް ސާބިތުކޮށް މަރުގެ އަދަބު ކަނޑައެޅިދާނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފުކުރި ފަރާތުން ބުނީ، ހައިކޯޓުން މައްސަލަ ބަލާފައިވަނީ ޤާނޫނުލްޢުޤޫބާތުގެ 1204 ވަނަ މާއްދާގެ (ރ) އާ ޚިލާފަށް ތަރަހަ ހަނިކޮށް ކަމަށާއި، އިޢުތިރާފު ނަގާފައިވަނީ ދުސްތޫރީ ޙައްޤުތަކާ ޚިލާފަށާއި ފުލުހުންގެ އަނިޔާއާއި ބިރުދެއްކުމުގެ ސަބަބުން ކަމަށެވެ. އަދި ގަސްތު މަރަށް ސައްޙަ އިޢުތިރާފެއް ނެތް ކަމަށާއި، ބާލިޣުނުވާ ވާރިސެއްގެ ބަސް ނުހޯދައި ޤިޞާޞް ކަނޑައެޅުން ރަނގަޅު ނޫން ކަމަށްވެސް ބުންޏެވެ. ޕްރޮސިކިއުޝަނުން ބުނީ، ޙައްޤުތައް ފޯރުކޮށްދީފައިވާ ކަމަށާއި، އިޢުތިރާފުން ހާމަވާ ވާޤިޢާތަކާއި ބޭނުންކުރި ހަތިޔާރާއި ހަމަލާދިން ތަނުން ނިޔަތް ސާބިތުވާ ކަމަށާއި، އަނިޔާކުރިކަން ސާބިތުކުރުމުގެ ބުރަ އޮތީ އިސްތިއުނާފުކުރި ފަރާތުގެ މައްޗަށް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓުން މައްސަލައިގެ ހުރިހާ ވާޤިޢާތަކާއި ޤާނޫނީ ނުކުތާތައް މުރާޖަޢާކޮށްފައިވާތީ ތަރަހަ ހަނިވެފައި ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް، ހަނުހުރުމާއި ވަކީލެއްގެ ޙައްޤު ބޭނުންކުރުމަށްފަހު ފުލުހުންގެ ބަންދުގައި ހުރެ ކުޑަ ހިނދުކޮޅެއްގައި އެ ޙައްޤުތައް ދޫކޮށްލީ އަމިއްލަ އިޚްތިޔާރުގައިކަން ފުލުހުން ދައްކައިދީފައި ނުވާތީ، އިޢުތިރާފު ނަގާފައިވަނީ ލާޒިމު އިޖުރާއަތަށް ތަބާވެގެންކަން ކަށަވަރު ނުވާ ކަމަށް ކަނޑައެޅިއެވެ. ބަޔާން ނަގަންވާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، އިޢުތިރާފުވެފައިވަނީ ކުށުގެ މާއްދީ ރުކުނަށް އެކަނި ކަމަށްވާތީ ނިޔަތް ސާބިތުކުރަންވާނީ ބަޔާނުގެ ބޭރުން ލިބޭ މިނިވަން ހެއްކާއި ޤަރީނާއިން ކަމަށާއި، ޝަރީޢަތުގައި ތަޢާރަފުނުކުރެވި ފޮނުވާފައިވާ ތަޙްޤީޤީ ލިޔުންތަކަށް ހެކީގެ ދަރަޖަ ނުލިބޭތީ އިޢުތިރާފަށް ބާރުދޭ ހެއްކެއް ނެތް ކަމަށް ކަނޑައެޅިއެވެ. ބާލިޣުނުވާ ވާރިސެއްގެ ބަސް ނުހޯދުމަކީ ޙުކުމް ބާޠިލުކުރަންޖެހޭ ސަބަބެއް ނޫން ކަމަށް ކަނޑައަޅައި، އަނިޔާކުރިކަމަށް ހެކިން ހާޒިރުކުރުމުގެ ފުރުޞަތާއި މިނިވަން ހެކި ހުށަހެޅުމުގެ ފުރުޞަތު ދިނުމަށް، ދެ ޙުކުމް ބާޠިލުކޮށް މައްސަލަ ކްރިމިނަލް ކޯޓަށް ތަޙްވީލުކުރިއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓާއި ކްރިމިނަލް ކޯޓުގެ ޙުކުމް ބާޠިލު؛ މައްސަލަ ކްރިމިނަލް ކޯޓަށް ތަޙްވީލު (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މި ފަދަ މައްސަލަތައް ހައިކޯޓުން ބަލަންޖެހޭނެ ތަރަހަ އޮތީ ގާނޫނުލްއުގޫބާތުގެ މ.1204 (ރ) ގައި ބަޔާންކޮށްފައެވެ. އެގޮތުން މަރުގެ އުގޫބާތް ކަނޑައަޅާފައިވާ މައްސަލަ އިސްތިއުނާފީ ކޮންމެ ކޯޓަކުން ބެލުމުގައި މައްސަލައިގެ އެންމެހައި ވާގިއާތަކާއި ގާނޫނީ ނުކުތާތައް އަލުން ބަލަންޖެހޭނެކަމަށް އެ މާއްދާގައި ބުނެފައި ވެއެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގެ ސަބަބުން ގާނޫނުލްއުގޫބާތުގެ 1204.މ (ރ) ގައި ބަޔާންކޮށްފައިވާ ތަރަހަ ހަނިވެފައި ނުވެއެވެ.

HN2 ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ މަޖިލީހުގައި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ނުވަތަ ދައުވާލިބޭ ފަރާތް، ފަނޑިޔާރެއްގެ ކުރިމަތީގައިވާ އިއުތިރާފަކީ ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ހަމައެކަނި އެ އިއުތިރާފުގެ މައްޗަށް ބިނާކޮށް، އެ އިއުތިރާފުވި މީހާގެ މައްޗަށް ކުށް ސާބިތުކުރުމަށް ފުދޭނެ ކާފީ ހެއްކެކެވެ. އެއީ މީހެއްގެ މައްޗަށް މަރުގެ ހުކުމް އަތުވެދާނެ މައްސަލައެއްގައި މުއްތަހަމު ވެފައިވާ އިއުތިރާފަކީ ޝަރިއަތުގެ މަޖިލީހުގައި އަދި ގާނޫނީ ވަކީލެއްގެ ހާޒިރުގައި ނޫންގޮތަކަށް ވެފައިވާ އިއުތިރާފެއް ނަމަ އެފަދަ އިއުތިރާފުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޝަރިއަތުން ހުކުމް ކުރެވޭނީ އެ އިއުތިރާފުގައި އެއްބަސްވެފައިވާ ކަންކަން ކަށަވަރުކުރެވޭ އެހެނިހެން ހެކި ނުވަތަ ގަރީނާ ހުރެއްޖެނަމަ އެވެ.

HN3 އިއުތިރާފު ސައްހަވުމުގެ އަސާސީ ޝަރުތަކީ އެ އިއުތިރާފަކީ އިތުބާރުހިފޭ އިއުތިރާފެއް ކަމަށް ވުމެވެ. އިއުތިރާފަކީ އިތުބާރުހިފޭ އިއުތިރާފެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ބޭނުންކުރާ މައިގަނޑު ހަމަ އަކީ އެ އިއުތިރާފަކީ މުއްތަހަމު އަމިއްލައަށް، ހިތުންރުހުމުން ވާ އިއުތިރާފެއް ކަމަށް ވުމެވެ. މިސާލަކަށް، މަޖުބޫރުވެގެން ނުވަތަ މަޖުބޫރުކޮށްގެން ވާ އިއުތިރާފަކީ ތިމާ އަމިއްލައަށް ހިތުންރުހުމުން ވެފައިވާ އިއުތިރާފެއް ނޫނެވެ. ވީމާ، އެފަދަ މަޖުބޫރީ އިއުތިރާފަކީ ކުށް ސާބިތުކުރުމަށް ފުދޭނެ އިއުތިރާފެއް ނޫނެވެ. އެހެންކަމުން ބިރުދައްކައިގެން ނުވަތަ މަޖުބޫރުކޮށްގެން ނުވަތަ މަޖުބޫރުވެގެން ވެފައިވާ އިއުތިރާފާއި، އެއްވެސް ލުޔެއް ނުވަތަ ވައުދެއްގެ މުގާބިލުގައި ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ނޫނެވެ.

HN4 ސީރިއަސް ބޮޑެތި ކުށްތައް ތަހުގީގުކުރުމަށް ފުލުހުންގެ އަތްމަތީގައި އެކަށީގެންވާ ބާރުތަކާއި ވަސީލަތްތައް ހުރުން ލާޒިމުވުމާއި، ގާނޫނުއަސާސީއިން މުއްތަހަމަށް ފޯރުކޮށްދިނުން ލާޒިމުކުރާ ދުސްތޫރީ ހައްގުތައެއް ތިލަފަތުގެ ދެފަރާތަށް ލައި ވަޒަން ހަމަކުރުމަށް ފަނޑިޔާރުން އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ. މިގޮތުން މީޒާން ހަމަ ކުރުމުގައި، ފަނޑިޔާރުގެ ކުރިމަތީގައި އޮތް އިއުތިރާފު ބަޔާނަކީ ބަލައިގަނެވިދާނެ ހެއްކެއްތޯ ފުންކޮށް ވިސްނަންވާނެއެވެ. އިއުތިރާފު ބަޔާން ހޯދުމަށް ފުލުހުން ބޭނުންކޮށްފައިވާ އުކުޅުތަކުގެ ތެރެއިން މަޖުބޫރީ ހާލަތެއް އޮތުމުގެ އިހުތިމާލު އޮތްނަމަ، އެ އިއުތިރާފު ބަޔާނަކީ ގަބޫލުނުކުރެވޭ އިއުތިރާފެއް ކަމަށް އިފްތިރާޒު ކުރަންވާނެއެވެ. އެހެން ނަމަވެސް ބޮޑަށް ބުރަވެވޭ މިންގަނޑުން ބަލާއިރު، ފުލުހުންގެ އެފަދަ އަމަލުތަކުން އުފެދޭ ތައައްސުބަށްވުރެ ބޮޑަށް އެ އިއުތިރާފު ބަޔާނުން މުއްތަހަމު ކުށްކުރިކަން ސާބިތުވާކަމަށް ލިބިދޭ ބުރަދަން އިތުރުކަމަށް ގަބޫލުކުރެވޭ ނަމަ އެ އިފްތިރާޒުން އެއްކިބާވެވިދާނެއެވެ.

HN5 އިއުތިރާފަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި މަޖުބޫރުކަމެއްނެތި ވެފައިވާ އިއުތިރާފަކަށް ވުމާއި، އެ އިއުތިރާފަކީ ލާޒިމު އިޖުރާއަތަށް ތަބައަވެގެން ހޯދާފައިވާ އިޖުރާއަތަކަށް ވުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. ލާޒިމު އިޖުރާއަތަށް ތަބާވެފައިވޭތޯ ބަލަންޖެހެނީ އެއީ ކޮންމެހެން، އެ އިއުތިރާފަކީ އަމިއްލަ އިޚްތިޔާރުގައި މަޖުބޫރުކަމެއްނެތި ހޯދާފައިވާ އިއުތިރާފެއްތޯ ނުވަތަ ނޫންތޯ ބެލުމަކަށް ނޫނެވެ. އޭގެ އިތުރުން، އިއުތިރާފު ބަޔާން ނެގުމުގައި ލާޒިމު އިޖުރާއަތަށް ތަބައަވެފައިވޭތޯ ފަނޑިޔާރު ބަލަންޖެހެނީ ޝަރިއަތްކުރުމާއި، ހެކިވަޒަންކުރުމުގައި އަސާސީ ބޭއިންސާފުން އެއްކިބާވުމުގެ މަގުސަދުގައެވެ. ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ އިބާރާތުގެ ދެވަނަ ޖުމްލައިގައި މަޖުބޫރުން ހެކި ހޯދުމާއި ގާނޫނާ ޚިލާފަށް ހެކި ހޯދުން ފަރަގުކޮށްފައި އޮތީ އެ ސަބަބަށްޓަކައެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ލާޒިމު އިޖުރާއަތަށް ތަބައަނުވެ ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަންފާ ޕްރޮސިކިއުޝަނަށް ލިބިގެންނުވާނެއެވެ. އަދި ގާނޫނުއަސާސީއާ ގާނޫނާ ޚިލާފަށް ކަންކަން ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ހިތްވަރުދެވިގެން ވެސް ނުވާނެއެވެ.

HN6 މުޙައްމަދު ސަމާޙު ހަނުހުރުމުގެ ހައްގު ބޭނުންކޮށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންކަމަށް ބުނެފައިވަނިކޮށް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކުއްލިއަކަށް އެ ހައްގު އޭނާ ދޫކޮށްލާފައިވަނީ އޭނާ ހައްޔަރުކޮށް ބަންދުގައި ގެންގުޅެފައިވާ ތަހުގީގީ މުވައްޒަފުންކަމަށް ގަބޫލުކުރުމުގެ ފުރުސަތު އޮތުމުން، އަދި އޭގެ ފަހުންވެސް އޭނާ ހުރީ ފުލުހުންގެ ބަންދުގައި ކަމަށްވާތީވެ، މި ހާލަތުގައި މުޙައްމަދު ސަމާޙުގެ ބަހަށް ބުރަދަނެއް ދޭންޖެހެއެވެ. އަދި ދުސްތޫރީ ހައްގުތައް އޭނާ ދޫކޮށްލީ އަމިއްލަ އިޚްތިޔާރުގައި ކަމާއި، އެގޮތަށް އެކަން ކުރުމަށް އެއްވެސް ސިފައެއްގައި މުޙައްމަދު ސަމާޙުގެ މައްޗަށް ކުޑަނަމަވެސް ނުފޫޒެއް ނުފޯރުވާކަން ދައްކައިދިނުމަކީ މިހާލަތުގައި ފުލުހުންގެ މައްޗަށް އޮތް ޒިއްމާއެކެވެ. އެގޮތަށް ފުލުހުން އެކަން ދައްކައިދީ ޖަވާބުދާރީ ވެފައި ނެތުމުން، އެ ދެ ދުވަހު ( 24 ޖުލައި އަދި 31 ޖުލައި 2012 ގައި) މުޙައްމަދު ސަމާޙު ޝަރިއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފަކީ ލާޒިމު އިޖުރާތަށް ތަބައަވެގެން ނެގިފައިވާ އިއުތިރާފު ބަޔާނެއް ކަމަށް ކަށަވަރު ނުވެއެވެ.

HN7 މުޙައްމަދު ސަމާޙުއަށް އަނިޔާކުރިކަން އެނގޭނޭ ހެކިން އެބަތިބި ކަމަށާއި، އެ ހެކިން ޝަރިއަތަށް ހާޒިރުކުރަން އެދޭކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ހައިކޯޓުގެ ޝަރިއަތުގައި ބުނެފައި އޮތުމުން، އެ ހެކީން ކޯޓަށް ހާޒިރުކޮށްފައި ނެތުމަކީ ހައިކޯޓުގައި ބެލެވުނު މައްސަލައިގައި އިޖުރާއީ ގޮތުން ހިނގާފައިވާ އުނިކަމެއް ކަމަށް ބަލަންޖެހެއެވެ.

HN8 އަހުރެން ދެކޭ ގޮތުގައި ދައުވާލިބޭ ފަރާތުގެ ބަޔާނުގައި ހިމެނޭ ކަންކަމުގެ ތެރެއިން ތަންތަންކޮޅު ހޮވައިގެން އެއީ ދައުވާކޮށްފައިވާ ކުށަށް ވެފައިވާ ސައްހަ އިއުތިރާފެއް ކަމަށް ނުބެލެވޭނެއެވެ. އެ އިއުތިރާފަކީ ކޯޓުގައި ނުވަތަ ކޯޓުން ބޭރުގައިވީ އިއުތިރާފެއް ނަމަވެސް އެ ބަޔާން ނަގަންވާނީ އެކަތިގަނޑެއްގެ ގޮތުގައެވެ. އެބަޔާނުން ޕްރޮސެކިއުޝަނަށް ފައިދާވާ ތަންތަންކޮޅު ހޮވައިގެން އެ ބައިތަކަށް އެކަނި އިތުބާރު ނުކުރެވޭނެއެވެ. ބަޔާނުގައި ހުރި ވާހަކަތަކުގެ ތެރެއިން ހަމައެކަނި މުއްތަހަމާ ދެކޮޅަށް ހުރި ވާހަކަތައް ނުވަތަ އެ ގޮތަށް ހުރި ބައިބައި ފަނޑިޔާރު ނަގައިގެން ނުވާނެއެވެ. މުއްތަހަމާ އެއްކޮޅަށް ހުރި ވާހަކަތަކަށްވެސް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ. ޝަރިއަތްކުރުމުގެ އެންމެ މައި އެއް އުސޫލަކީ މުޅި ބަޔާން އެކަތިގަނޑެއްގެ ގޮތުގައި ނެގުމެވެ. ހަމައެކަނި ކުށް ސާބިތުވާ ތަންކޮޅު ވަކިން ހޮވައިގެން ނެގުމެއް ނޫނެވެ. އެގޮތަށް ފަނޑިޔާރު ކަންކުރަންޖެހޭ ސަބަބަކީ މިފަދަ މައްސަލަތަކުގައި ޝުބުހައިން ދުރުވުމަކީ ފަނޑިޔާރުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ވާތީއެވެ. ނަމަވެސް، ދައުވާލިބޭ ފަރާތާ ދެކޮޅަށް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ އެހެން ހެކި ހުންނަ ހާލަތުގައި، ޕްރޮސިކިއުޝަނުން ހުށަހެޅި އެ ހެކިތައް ކޮރޮބޮރޭޓް ކުރުމަށް ދައުވާލިބޭ ފަރާތުގެ ބަޔާނުގައިވާ ބައިތައް ބޭނުންކުރެވިދާނެއެވެ.

HN9 ކުށުގެ ނިޔަތުގެ ރުކުނަށް ރިއާޔަތްކޮށްގެން ދައުވާކޮށްފައިވާ މަރުގެ ކުށުގައި ތަފާތު ދަރަޖަތަކެއް ހުރުމުން، އަހުރެންގެ ރައުޔަކީ މި ބަޔާނުގައި ހިމެނޭ އިއުތިރާފުގެ ބަޔާއި އިންކާރުގެ ބައި ވަކިކޮށް އިއުތިރާފުވީ ވާގިއާ ކޯޓަށް ބަލައި ގަނެ، އިންކާރުކުރި ވާގިއާ ސާބިތުކޮށް ދިނުމަށް ޕްރޮސިކިއުޝަންގެ މައްޗަށް ލާޒިމުކުރުމެވެ. އޭނާގެ ނިޔަތް ކަށަވަރުކުރަންވާނީ ނުވަތަ ދެނެގަންނާނީ އެ ބަޔާނުގެ ބޭރުން ލިބޭ މިނިވަން މުސްތަގިއްލު ހެއްކާއި ގަރީނާއިންނެވެ. އޭނާގެ ބަޔާނުގެ ތެރެއިން ހޮވައިގެންނެއް ނޫނެވެ.

HN10 އިއުތިރާފު ސައްހަވުމުގައި އެ މައްސަލައިގައި ދައުވާކުރެވޭ ކުށުގެ ހުރިހާ އުންސުރަކަށް އަދި އެ ކުށުގެ ހުރިހާ ރުކުންތަކަށް އިއުތިރާފުގައި އެއްބަސްވެފައި އޮންނަން ޖެހެއެވެ.

HN11 ކޮންމެ ގޮތަކަށް ދައުވާލިބޭ ފަރާތުން ދައުވާއަށް ޖަވާބުދާރީ ވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝުބުހައެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދިނުމަކީ ޕްރޮސިކިއުޝަނުގެ ޒިއްމާއެކެވެ. މި މިންވަރަށް ޕްރޮސިކިއުޝަނުން ކުށް ސާބިތުކުރުމަށްޓަކައި ދައުވާލިބޭ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމަށް ދިން ބަޔާނަށް އެކަނި ބިނާވުމަކީ ޕްރޮސިކިއުޝަނަށް ކުރެވޭނެ ކަމެއް ނޫނެވެ.

HN12 މި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގައި ބުނެފައިވަނީ، ޝަރީއަތުގެ މަޖިލިސް ފިޔަވައި އެހެން ތަނެއްގައި މީހަކު ވެފައިވާ އިއުތިރާފު ސާބިތުކުރެވޭނީ ހެކި ސާބިތުކުރުމަށް ކަނޑައަޅާފައިވާ އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ. މިމާއްދާއިން އެނގެނީ ހެއްކާބެހޭ ގާނޫނުން މިފަދަ އިއުތިރާފުތައް މުތުލަގަށް އެއްކިބާކޮށްފައި ނެތް ކަމެވެ. މި ގޮތަށް މި މާއްދާގައި ބަޔާންކޮށްފައި އޮތުމުން ދޭހަވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން އަބްދުﷲ، އާއި އިތުރު 5 ފަރާތެއް ގަޒިއްޔާގައި ބަޔާންކޮށްފައިވާ ގޮތަށް، މުއްތަހަމު ޝަރިއަތުގެ މަޖިލީހުން ބޭރުގައި ވެފައިވާ އިއުތިރާފު ޝަރީއަތުގެ މަޖިލީހުގައި މީހަކު ދޭ ހެކިބަހެއްގެ ސިފައިގައި ނުވަތަ ހެކި ސާބިތުކުރުމަށް ކަނޑައަޅާފައިވާ އެހެން އުސޫލަކުން، ސާބިތުކޮށް، އެ ހެކި ކޯޓުން ބަލައިގަނެވިދާނެކަމެވެ. ޝަރިއަތުން ބޭރުގައި ވެވޭ އިއުތިރާފު މިގޮތަށް ސާބިތުކޮށްދެވުނު ނަމަވެސް ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ މަގްސަދު ގެއްލިގެންދިޔަ ނުދިނުމަށްޓަކައި، އެފަދަ އިއުތިރާފެއްގެ މައްޗަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅަންވާނީ އެ އިއުތިރާފަށް ބާރުދޭ މިނިވަން އެހެން ހެކި ނުވަތަ ގަރީނާ ފަނޑިޔާރުގެ ކުރިމަތީގައި ހުރެ، މުއްތަހަމު ކުށްކުރި ކަމަށް ފަނޑިޔާރަށް އިގްތިނާއުވެވޭ ނަމައެވެ.

HN13 ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމް އަޙްމަދު ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، މަރުގެ މައްސަލައެއްގައި މުއްތަހަމު ޝަރިއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފަކުން ރުޖޫއަވެވޭނީ އެ އިއުތިރާފުން ރުޖޫއަވެވޭނޭ މަގުބޫލު ސަބަބެއް ދެއްކިގެން ކަމަށެވެ. ހެއްކާބެހޭ ގާނޫނުގެ 85 ވަނަ މާއްދާގައި ބުނެފައިވަނީ މީހަކު އިއުތިރާފުވީ، އޭނާ އެ އިއުތިރާފުވީ ހަގީގަތާ ގުޅޭގޮތުން އޭނާއަށް އޮޅުވައިލުމުގެ ސަބަބުން، ނުވަތަ އެކަމެއްގެ ހަގީގަތް އޭނާއަށް އޮޅިފައި އޮތުމުގެ ސަބަބުންކަން، ޝަރީއަތަށް ގަބޫލުކުރެވޭ ފަދަ މިންވަރަކަށް ސާބިތުކޮށްދީފިނަމަ، އެ އިއުތިރާފުން އޭނާއަށް ރުޖޫއަވެވިދާނެ ކަމަށެވެ. މި މާއްދާގައި މިވާ ގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ވެފައިވާ އިއުތިރާފަކުން ރުޖޫއަވެވޭނީ މި ހާލަތުގައި އެކަންޏެވެ.

HN14 ކުރިންވެސް ބަޔާންކުރި ފަދައިން މީހެއްގެ މައްޗަށް މަރުގެ ހުކުމް އައިސްފާނެފަދަ ކުށަކަށްވާ އިއުތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ އެ މީހަކު އެކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އިއުތިރާފަކަށް ނުވާހާ ހިނދަކު، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާ ވެފައިވާ އިއުތިރާފު ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްގެން ނުވާނެ އެވެ. އެއަށް ބާރުދޭ އެހެނިހެން ހެކި ނުވަތަ ގަރީނާ ފަނޑިޔާރުގެ ކުރިމަތީގައި ހުންނަންވާނެއެވެ.

HN15 މަތީގައި މި ފާހަގަކުރި ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުން އެނގެނީ ތަހުގީގު މަރުހަލާގައި ތަހުގީގީ އިދާރާއިން ނަގާފައިވާ ހެކިންގެ ބަޔާންތަކާއި ތަހުގީގުން އެއްކޮށްފައިވާ އެހެނިހެން ކިތާބީ ހެކިތަކާއި ރިޕޯޓުތަކަކީ ޕްރޮސިކިއުޝަނުން ކޯޓަށް ފޮނުވާފައިވާ ތަކެތި ކަމަށް ވިޔަސް ހެކީގެ ގޮތުގައި އެތަކެއްޗަށް އެއްވެސް ބުރަދަނެއް ފަނޑިޔާރަށް ނުވަތަ ފަނޑިޔާރުންނަށް ދެވޭނީ އެތަކެއްޗަކީ ޝަރިއަތްކުރުމުގެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ޝަރިއަތަށް ބަލައިގަނެ، ޝަރިއަތުގެ މަޖިލީހުގައި އެތަކެތި ތައާރަފްކުރެވި، (އެޑްމިޓްކުރެވި) އެ ތަކެއްޗާމެދު ދެފަރާތުން މުނާގަޝާކޮށް، ސުވާލުކޮށް، ތައުނުކުރުމުގެ ފުރުސަތު ދައުވާލިބޭ ފަރާތަށް ދީފައިވާ ކިތާބީ ހެކިތަކެއް ކަމަށްވާނަމަ ކަމެވެ.

HN16 ކުޑަކުއްޖާ ބޮޑުވަންދެން އިންތިޒާރުކުރަން ޖެހޭކަމަށް ވިދާޅުވަނީ، ޝާފިޢީންނާއި ޙަންބަލީން ކަމަށްވާއިރު، އެބޭކަލުންގެ ނަޒަރުގައިވެސް، ވާރިސުންގެ ތެރެއިން ބާލިޣުވެ ތަސައްރުފު ފުދިފައިވާ މީހުން ގިސާސް ހިފަން އެދޭ އެދުމާ ގުޅިގެން ގާޒީ އެ ފަދައިން ޙުކުމްކޮށްފިނަމަ އެ ސަބަބަށްޓަކައި އެޙުކުމް ބާތިލް ނުކުރެވޭނެކަމަށް ބުރަވާތީ، ހަމައެކަނި ކުޑަކުއްޖާގެ ބަހެއް ހޯދާފައި ނެތުމަކީ، މި މައްސަލައިގެ ޙުކުމް ބާތިލުކުރަންޖެހޭ ސަބަބެއް ކަމަށް ނުދެކެމެވެ. ވީމާ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ޙުމާމް އަޙްމަދު ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަކީ އިސްލާމީ ޝަރިއާތާ ޚިލާފު ނިންމުމަކަށްވެގެން، މި ނިންމުމާ ދުރުވާންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކެމެވެ. އަދި މިބާވަތު މައްސަލަތަކުގައި އިސްލާމީ ޝަރީއަތ ޚިލާފުވޭތޯ ބެލުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑަކީ ގަތަޢީ ދަލީލަކާ އެ ހުށަހެޅޭކަމެއް ނުވަތަ އަމުރެއް ޚިލާފުވޭތޯ ބެލުންކަމަށް ވާއިރު، މި މިންވަރަށް މުހައްމަދު ސަމާހުގެ ފަރާތުން ފާހަގަކުރި ކަންކަން ބުނެދެވިފައި ނުވެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޙުސްނުއްސުޢޫދު (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޙުސްނުއްސުޢޫދު
ރައުޔު ލިޔުނު ފަނޑިޔާރު
ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު..... 1

ތަޢާރުފު..... 1 މައްސަލައިގައި ކަން ހިނގާފައިވާ ގޮތް..... 1 ކްރިމިނަލް ކޯޓުގެ ޝަރިއަތް..... 2 ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުހަލާ..... 3 ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު..... 5 މުޙައްމަދު ސަމާޙުގެ ގާނޫނީ ވަކީލު ވަކިކުރުމާއި އިތުރު އިސްތިއުނާފީ ނުކުތާ..... 5 ހައިކޯޓުން މައްސަލަ ބެލީ ގާނޫނުލްއުގޫބާތުގެ 1204 (ރ) އާ ޚިލާފަށް ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނާ ބުނުން

7 ..... ތައުނުކުރެވޭ އިއުތިރާފަކީ ދައުވާ ސާފުވެފައިނެތި ދީފައިވާ ބަޔާނެއް ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނާ ބުނުން.... 10 ސާފު އިއުތިރާފެއް ނެތް ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނާ ބުނުން..... 11 ކުށް ސާބިތުވެފައި އޮތީ ހަމައެކަނި އިއުތިރާފުގެ މައްޗަށް ނޫންކަމަށް ޕްރޮސިކިއުޝަނުން ބުނާބުނުން..... 14 އަނިޔާ ލިބެމުން ދިޔަ ކަމަށް ބާރުދޭ ހެކި ހުށަހަޅަން ފުރުސަތު ނުދިންކަމަށް ސަމާޙުގެ ފަރާތުން ބުނާބުނުން..... 19 މަރުގެ ހުކުމް އަމިއްލަ ޒާތުގައި އިސްތިއުނާފުވުން..... 23 އިއުތިރާފް..... 26 އިއުތިރާފުގެ މާނަ އާއި ސައްހަވުމުގެ ޝަރުތުތައް..... 26 އަމިއްލަ ރުހުމުގައި ދީފައިވާ އިއުތިރާފު ބަޔާނެއްތޯ..... 27 ލާޒިމު އިޖުރާއަތަށް ތަބައަވުން..... 33 އިއުތިރާފް ބައިބައިނުކޮށް އެކުގައި ބަލައިގަތުން..... 37 ގަސްތު މަރުގެ ކުށް ސާބިތުކުރުމަށް ތައުނުކުރެވޭ އިއުތިރާފު ފުދޭތޯ.....42 ޝަރިއަތުން ބޭރުގައި ވެފައިވާއި އިއުތިރާފު.....45 އިއުތިރާފުން ރުޖޫއަވުން.....53 ޤާނޫނާ ޚިލާފަށް ހޯދާފައިވާ އިއުތިރާފުންނާއި ރުޖޫއަވެފައިވާ ބަޔާނަކުން ހާމަވާ މައުލޫމާތު.....56 އިއުތިރާފު ކޮރޮބޮރޭޓްވުން ނުވަތަ އެހެން ހެއްކާއި ގަރީނާއިން އިއުތިރާފަށް ބާރު ލިބުން.....59 ބާލިޣުނުވާ ވާރިސުންގެ ބަސް.....63 ނިންމަން ފެންނަ ގޮތް.....68

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު.....69

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު.....69

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު.....72

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު.....72

ޙުކުމް .....72 بِسْمِ الرَّحْمَنِ މުޙައްމަދު ސަމާޙު ވ. ޕްރޮސިކިއުޓަރ ޖެނެރަލް [2024] SC 49

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު : (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ

ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

1މި މައްސަލައަކީ ފުލުހެއް ކަމުގައިވާ ޕޮލިސް ކޮންސްޓަބްލް އާދަމް ޙަލީމު، އޭނާގެ ރަސްމީ ވާޖިބު އަދާކުރުމުގައި އުޅެނިކޮށް ކ. ކާށިދޫ، […] މުޙައްމަދު ސަމާޙު އޭނާއަށް ހަމަލާދީ މަރާލިކަމަށް ސާބިތުވާކަމަށް ދަށު ކޯޓާއި ހައިކޯޓުން ނިޔާކަނޑައަޅާފައިވާ މައްސަލައެކެވެ. މި އިސްތިއުނާފުގެ މައްސަލައިގެ ތެރޭގައި ހިމެނޭ މައިގަނޑު ގާނޫނީ ބަހުސްތައް ދައުރުވަނީ މަރުގެ ކުށުގެ މައްސަލަތައް ސާބިތުކުރުމުގައި ދައުވާލިބޭ ފަރާތުގެ އިއުތިރާފު ބަޔާނަށް ބުރަދަން ދިނުމާބެހޭ ގޮތުން ފަނޑިޔާރު ރިއާޔަތްކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުންނެވެ. މި މައްސަލައިގައި ހައިކޯޓުން ނިންމާފައިވާ ނަންބަރު 2018/HC-JC/43 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅީ ކ. ކާށިދޫ، […] މުޙައްމަދު ސަމާޙު އެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ދިވެހި ދައުލަތުގެ ޕްރޮސިކިއުޓަރ ޖެނެރަލް އަށެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

2ކ. ކާށިދޫ، […] މުޙައްމަދު ސަމާޙު ގޭގައި ބަންދުކޮށްފައިވަނިކޮށް، ގެއިން ބޭރަށް ނުކުމެފައިވާތީ 23 ޖުލައި 2012 ގެ މެންދަމު 12 ޖަހާ އެހައިކަށްހައިއިރު ޕޮލިސް ކޮންސްޓަބްލް އާދަމް ޙަލީމު، މުޙައްމަދު ސަމާޙު ދިރިއުޅޭ ގެއަށް ގޮސް މުޙައްމަދު ސަމާޙު ކ. ކާށިދޫ ޕޮލިސް ސްޓޭޝަނަށް އައުމަށް އެންގިއެވެ. އެކަމާ ހިތްހަމަނުޖެހިގެން މުޙައްމަދު ސަމާޙު ހިންގި ހަމަނުޖެހުމެއްގެ ތެރޭގައި ގާތްގަނޑަކަށް 4 އިންޗި ހުންނަ ވަރުގެ ތޫނު ވަޅިއަކުން މުޙައްމަދު ސަމާޙު، އާދަމް ޙަލީމުގެ ވާތްފަރާތު ކޮނޑުހުޅުގެ ކައިރިއަށް ހަމަލާދިނުމުން ލިބުނު އަނިޔާއަށް ފަރުވާ ކުރަމުން ގެންދަނިކޮށް، 23 ޖުލައި 2012 ގެ މެންދަމު 00:10 ގައި އާދަމް ޙަލީމު މަރުވެފައިވެއެވެ. މުޙައްމަދު ސަމާޙު ގަސްތުގައި އާދަމް ޙަލީމު މަރާލިކަމުގެ ކުށުގެ ތުހުމަތުކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މުޙައްމަދު ސަމާޙުގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ކުށުގެ ދައުވާ އުފުލިއެވެ.

ކްރިމިނަލް ކޯޓުގެ ޝަރިއަތް

3ދައުލަތުން މުޙައްމަދު ސަމާޙުގެ މައްޗަށް ކުރި ގަސްތުގައި މީހަކު މެރިކަމުގެ ކުށުގެ ދައުވާއާ ގުޅިގެން ކްރިމިނަލް ކޯޓުގައި ބެލި އެ ކޯޓުގެ ނަންބަރު 498/Cr-C/2012 ގަޒިއްޔާގެ ޝަރިއަތުގެ ފުރަތަމަ އަޑުއެހުމުގައި (31 ޖުލައި 2012 ގައި އޮތް ޝަރިއަތުގެ މަޖިލިހުގައި) މުޙައްމަދު ސަމާޙުގެ މައްޗަށް ތުހުމަތުކުރެވުނު މަރުގެ ކުށަށް އޭނާ އިއުތިރާފުވެފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައި ވެއެވެ. ނަމަވެސް، މުޙައްމަދު ސަމާޙުގެ މައްޗަށް ދައުލަތުން ކުރި ދައުވާއާ ގުޅިގެން 12 ނޮވެމްބަރު 2012 ގައި ބޭއްވުނު ޝަރިއަތުގެ އަޑުއެހުމުގައި މުޙައްމަދު ސަމާޙު ބުނެފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު ކުށަށް އޭނާ އިންކާރުކުރާ ކަމަށާއި، 2012 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ގައި ބޭއްވުނު ޝަރިއަތުގެ މަޖިލީހުގައި އޭނާ ކުށަށް އިއުތިރާފުވީ ފުލުހުން އޭނާއަށް ބިރުދައްކައި އަނިޔާކުރުމުގެ ސަބަބުން ކަމަށެވެ.

4ކްރިމިނަލް ކޯޓުގެ ނަންބަރު 498/Cr-C/2012 ގަޒިއްޔާގައި ހުކުމް ކުރީ، 31 ޖުލައި 2012 ގައި އޮތް ޝަރިއަތުގެ އަޑުއެހުމުގައި މުޙައްމަދު ސަމާޙު ކުށަށް އިއުތިރާފުވެފައި ވާކަމަށާއި، ގަސްތު މަރުގެ ކުށް މުޙައްމަދު ސަމާޙުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި 31 ޖުލައި 2012 ގައި އޮތް ޝަރިއަތުގެ މަޖިލީހުގައި މުޙައްމަދު ސަމާޙު ކުށަށް އިއުތިރާފުވެފައިވަނީ ފުލުހުން އޭނާއަށް ބިރުދެއްކުމުގެ ސަބަބުން ކަމަށް އޭނާ ބުނިބުނުމަށް ބާރުދޭ ހެއްކެއް ނުވަތަ އޭނާ ކުރިންވީ އިއުތިރާފާމެދު ޝުބުހާއެއް އުފެދޭ މިންވަރުގެ ހެއްކެއް މުޙައްމަދު ސަމާޙުއަށް ދެއްކިފައި ނުވާ ކަމަށް މި ހުކުމުގައި ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

5މީގެ އިތުރުން ކްރިމިނަލް ކޯޓުގެ ހުކުމުގައި ބުނެފައިވަނީ 31 ޖުލައި 2012 ގައި އޮތް ޝަރިއަތުގެ މަޖިލީހުގައި މުޙައްމަދު ސަމާޙު ވެފައިވާ އިއުތިރާފަކީ ޝަރުއީ އުސޫލުން ރުޖޫއަ ނުވެވޭފަދަ ސައްހަ އިއުތިރާފެއް ކަމަށާއި، މުޙައްމަދު ސަމާޙު، އާދަމް ޙަލީމަށް ވަޅިން ހަމަލާދިނީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށް މުޙައްމަދު ސަމާޙު ބުނި ނަމަވެސް، މުޙައްމަދު ސަމާޙުގެ ކިބައިގައި އާދަމް ޙަލީމުއަށް ބިރުދެއްކުމުގެ ގަސްތު އޮތްކަން މުޙައްމަދު ސަމާޙުގެ އިއުތިރާފުގައި ބުނެފައިވާތީވެ، މުޙައްމަދު ސަމާޙުގެ ކިބައިގައި އާދަމް ޙަލީމު މެރުމުގެ ނިޔަތް އޮތްކަން ސާބިތުވާ ކަމަށެވެ. ގަސްތުގައި މީހަކު މެރުމުގެ ކުށުގެ އުގޫބާތަކީ އިސްލާމީ ޝަރިއަތުގައިވާ ގޮތުގެ މަތިން މަރަށް މަރުހިފުން ކަމަށްވާތީވެ، މުޙައްމަދު ސަމާޙު މެރުމަށް އެ ގަޒިއްޔާގައި ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުހަލާ

6އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވިއިރު ކްރިމިނަލް ކޯޓުގެ ހުކުމް މުޙައްމަދު ސަމާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައި ނެތުމުން، މަރުގެ އަދަބު ތަންފީޒުކުރުމުގެ ކުރީން މަތީ މަރުހަލާގެ ކޯޓުތަކުން ދަށު ކޯޓުގެ ހުކުމުގެ ވާގިއީ ހޯދުންތަކާއި، ގާނޫނީ ނުކުތާތައް ރަނގަޅަށް ނިންމާފައިވޭތޯ ބެލުމަށް ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެ މަތީން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2018/HC-JC/43 ގަޒިއްޔާގައެވެ.

7ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ: (1) ކްރިމިނަލް ކޯޓުގެ ނަންބަރު 498/Cr-C/2012 ޤަޟިއްޔާގައި ހުކުމްކޮށްފައިވަނީ މުޙައްމަދު ސަމާޙުގެ އިއުތިރާފާއި މައްސަލައިގެ ތަހުގީގަށް ލިބިފައިވާ އެހެނިހެން ހެކި ގަރީނާތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށްވާތީވެ، މި މައްސަލައިގައި މުޙައްމަދު ސަމާޙުގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްކަމަށް ކަނޑައަޅައިދިނުމަށާއި، ސާބިތުކުރުމުގެ ވަސީލަތެއްގެ ގޮތުގައި މައްސަލައިގައި ލިބިފައިވާ އެހެނިހެން ހެކި ގަރީނާ ކޯޓުން ބޭނުންކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށާއި، އެ ހެކިތަކުން މުޙައްމަދު ސަމާޙުގެ މައްޗަށް ގަސްތުގައި މީހަކު މެރިކަމުގެ ކުށް އެއްވެސް ޝުބުހައެއް ނެތް މިންވަރަށް ސާބިތުވާކަމަށް ކަނޑައަޅައި ދިނުމަށާއި، (2) ކްރިމިނަލް ކޯޓުގެ ނަންބަރު 498/Cr-C/2012 ޤަޟިއްޔާ ހިންގާފައިވަނީ ދައުވާލިބޭ ފަރާތަށް ގާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ އެންމެހައި ހައްގުތައް މުޙައްމަދު ސަމާޙުއަށް ލިބިދިނުމަށްފަހުގައި ކަން ކަނޑައަޅައި ދިނުމަށާއި، (3) ގަސްތުގައި މީހަކު މެރިކަމުގެ ކުށް މުޙައްމަދު ސަމާޙުގެ މައްޗަށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި އެކުށުގެ އުގޫބާތެއްގެ ގޮތުން އޭނާ މެރުމަށް އެކޯޓުން ހުކުމްކޮށްފައިވާތީވެ، އިސްލާމީ ޝަރިއަތުގައި ގިސާސް ހިފުން މަނާކުރާ ސަބަބެއް މުޙައްމަދު ސަމާޙުގެ ކިބައިގައި ނެތްކަމަށް ކަނޑައަޅައިދިނުމަށާއި، (4) މުޙައްމަދު ސަމާޙުގެ ކިބައިން ގިސާސް ހިފުމަށް ކަނޑައެޅުމުގައި އާދަމް ޙަލީމްގެ ވާރުތަވެރިންގެ ބަސް ނަގާފައިވަނީ ގާނޫނީ އަދި ޝަރުއީ ހަމަތަކާ އެއްގޮތަށް ކަމަށް ކަނޑައަޅައިދިނުމަށެވެ.

8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-JC/43 ގަޒިއްޔާގައި އެކޯޓުން އިއްވި ނިޔާގައި ކަނޑައަޅާފައިވަނީ ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި މުޙައްމަދު ސަމާޙު ވެފައިވާ އިއުތިރާފުގެ މައްޗަށް ބިނާކޮށް މުޙައްމަދު ސަމާޙުގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށް ސާބިތުވާކަމަށް ކްރިމިނަލް ކޯޓުގެ ނަންބަރު 498/Cr-C/2012 ގަޒިއްޔާގައި ނިޔާކަނޑައަޅާފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށެވެ.

س품ޕިމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު

9މި ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމް އިސްތިއުނާފުކުރުމަށް، މުޙައްމަދު ސަމާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އެންމެ ފުރަތަމަ ހުށަހެޅިއިރު ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާގައި މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށެވެ.

10މުޙައްމަދު ސަމާޙު ގެފަރާތުން ހުށަހެޅި އެ ނުކުތާގެ ތަފްސީލުގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. އެއީ:

(ހ) ކްރިމިނަލް ކޯޓުގެ ނަންބަރު 498/Cr-C/2012 ގަޒިއްޔާގައި މުޙައްމަދު ސަމާޙުވެފައިވާ ކަމަށް ބުނާ އިއުތިރާފުގެ ސައްހަކަން ހައިކޯޓުން ކަށަވަރުކޮށްފައި ނެތް ކަމަށް ބުނެ ހުށަހެޅި ނުކުތާ.

(ށ) އަދި، އެ އިއުތިރާފަކީ ރުޖޫއަވެފައިވާ އިއުތިރާފެއް ކަމަށްވާ ހިނދު، އެ އިއުތިރާފުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ރަނގަޅުނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާ. މުޙައްމަދު ސަމާޙުގެ ގާނޫނީ ވަކީލު ވަކިކުރުމާއި އިތުރު އިސްތިއުނާފީ ނުކުތާ

11މުޙައްމަދު ސަމާޙުއަށް ދައުލަތުން ހިލޭ ފޯރުކޮށްދީފައިވާ ގާނޫނީ ވަކީލުގެ މަސައްކަތުގައި އިހުމާލުވެފައިވާ ކަމަށް ގަބޫލުކުރެވޭތީވެ، މުޙައްމަދު ސަމާޙުގެ އެދުމުގެ މަތީން އެ ގާނޫނީ ވަކީލު މައްސަލައިން ވަކިކޮށް މުޙައްމަދު ސަމާޙު އިޚްތިޔާރުކުރާ ގާނޫނީ ވަކީލަކު އައްޔަނުކުރުމަށް މުޙައްމަދު ސަމާޙުއަށް ފުރުސަތުދީ މުޙައްމަދު ސަމާޙު އައްޔަންކުރާ އައު ގާނޫނީ ވަކީލު ކަނޑައަޅާ އިސްތިއުނާފީ ނުކުތާތައް ސުޕްރީމް ކޯޓަށް ހުށަހަޅަން ފުރުސަތު ދެވުނެވެ. މި ގޮތުން ދިން ފުރުސަތުގައި މުޙައްމަދު ސަމާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-JC/43 ގަޒިއްޔާ އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ) އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-JC/43 ގަޒިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) އާއި ސުޕްރީމް ކޯޓުގެ ނަންބަރު 2015/14/SC (ދަށު ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިސްތިއުނާފުކުރުމާ ގުޅޭ) ސަރކިއުލާއާ ޚިލާފަށް ކަމުގައި ވުން.

(ށ) މުޙައްމަދު ސަމާޙު ކުށަށް އިއުތިރާފުވެފައިވާ ކަމަށް ހައިކޯޓުން ބަލާފައިވަނީ ގާނޫނުއަސާސީގެ

68.މ 51.މ(ހ)، މ.52 ގައި ބަޔާންކޮށްފައިވާ އަސާސީ ހައްގުތަށް ލިބިދެވޭ ގޮތާ ޚިލާފަށް ކަމަށްވުން.

(ނ) ފުލުހުންގެ ބެލުމުގެ ދަށުގައި މުޙައްމަދު ސަމާޙުއަށް އަނިޔާ ލިބެމުން ދިޔަކަމަށާއި، އޭނާ ކުށަށް އިއުތިރާފުވާ ގޮތަށް ވާހަކަދައްކަން މުޖުބޫރުވީ އެ އަނިޔާތަކުގެ ސަބަބުން ކަމަށް ބުނާބުނުމަށް ބާރުދޭ ހެކި ހުށަހެޅުމަށް ފުރުސަތުނުދީ، ދައުލަތަށް އެކަންކަން ތައުނުކުރުމުގެ ޒިއްމާ މަތިކުރުމެއްނެތި، ރަސްމީ ޝަކުވާއެއް ހުށަހަޅާފައި ނެތުމަކީ މުޙައްމަދު ސަމާޙު އެ ބުނާ ބަސް ސާބިތުނުވާ ސަބަބެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ގާނޫނުއަސާސީގެ

68.މ ގައި ބުނާ މިންގަނޑަށް އަދި ގާނޫނުއަސާސީގެ 58.މ ގައިވާ ޓޯޗަރ އަދި ލާއިންސާނީ އަނިޔާއިން ރައްކާތެރިވުމުގެ ހައްގު ކަށަވަރުކޮށްދޭންޖެހޭ މިންގަނޑަށް ކަށަވަރުކޮށް ދިނުމެއް ނެތި ކަމަށްވުން.

(ރ) މުޙައްމަދު ސަމާޙުގެ ފަރާތުން ސައްހަ އިއުތިރާފެއް ވެފައިވާ ކަމަށް ބެލިކަމުގައި ވިޔަސް، އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައިވާ އަސާސެއް ކަމުގައިވާ ސުޕްރީމް ކޯޓުން ނިންމާފައިވާ ޙުސައިން ހުމާމް އަޙްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގައި ކަނޑައަޅާފައިވާ ހަމައެކަނި ބާލިޣުވެފައިވާ ވާރިސުންގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމުގެ އުސޫލަކީ ގާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 88 ވަނަ މާއްދާގެ (ރ) އާއި ގާނޫނުއަސާސީގެ މ.274 (ހ) އާއި މ.59 (ހ) ގެ ރޫހާ އިސްލާމީ ޝަރިއަތުގެ މަގުސަދުތަކާއި ޚިލާފު، އަދި އެކަމުގެ ސަބަބުން ކުށެއްޖެހިފައިވާ ނިންމުމަކަށްވާތީ، އެ ނިންމުމާއި ދުރުވާންޖެހޭ ހާލަތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނިންމުމާއި ދުރުވެފައިނުވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމަށް ނުވުން.

12މަތީގައި ބަޔާންކުރެވުނު 4 އިސްތިއުނާފީ ނުކުތާގެ އަލީގައި މި މައްސަލަ އަލުން ބެލުމަށް މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކޮށްދިނުމަށް އިސްތިއުނާފުކުރާ ފަރާތުން މި ކޯޓުގައި އެދިފައި ވެއެވެ. ހައިކޯޓުން މައްސަލަ ބެލީ ގާނޫނުލްއުގޫބާތުގެ މ.1204 (ރ) އާ ޚިލާފަށް ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނާ ބުނުން

13އިސްތިއުނާފުކުރާ މުޙައްމަދު ސަމާޙުގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ 2018/HC-JC/43 ޤަޟިއްޔާގައި ހައިކޯޓުން މައްސަލަ ބަލާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި "ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް އެދި ހުށަހަޅާ ފޯމު"ގައިވާ 4 ނުކުތާ އަކީ މުޅި މައްސަލައިގެ ތަރަހަ ކަމަށް ބަލައިގެން ކަމަށެވެ. އެގޮތުން، "މިހާރު ކުރިއަށްދާ މައްސަލަ އަކީ ހުކުމުގެ ސައްހަކަން ކަށަވަރު ކުރުމުގެ މައްސަލައެއް ކަމަށާއި، އެ މައްސަލަ ކުރިއަށް ގެންދަނީ އިސްތިއުނާފީ މައްސަލަތަކާ ތަފާތު ގޮތަކަށް" ކަމަށް 5 އޮގަސްޓް 2019 ދުވަހު އޮތް ހައިކޯޓުގެ ޝަރިއަތުގެ މަޖިލީހުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މައްސަލައިގެ ތަރަހައާ ބެހޭގޮތުން ވިދާޅުވެފައިވާ ކަމަށެވެ. އަދި 16 ފެބްރުއަރީ 2020 ގައި އޮތް އަޑުއެހުމުގައި "މި މައްސަލައަކީ މީގެ ކުރިންވެސް ޝަރިއަތުން ފާހަގަކުރައްވައިފި، މިއީ ހުކުމުގެ ސައްހަކަން ކަނޑައެޅުމަށްޓަކައި ދައުލަތުގެ ފަރާތުން ހުށަހަޅައިގެން ކުރިއަށް ގެންދާ މައްސަލައެއް، ދެން މައްސަލަ ދަށު ކޯޓުގައި ނިމުނު ގޮތާއި ދޭތެރޭ ސަމާޙުގެ ފަރާތުން ހިތްހަމަޖެހި ނުލައްވައިގެން އިސްތިއުނާފު ކުރައްވާފަ އޮތް މައްސަލައެއްވެސް ނޫން!" މިގޮތަށް ފަނޑިޔާރަކު ވިދާޅުވެފައިވާ ކަމަށެވެ. މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ރ) ގެ ދަށުން "ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ކޯޓުން ހުކުމްކޮށްފިނަމަ، އެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ" ކަމަށާއި، މި ފަދަ މައްސަލަތައް މަތީ މަރުހަލާގެ ކޯޓުތަކުން ބަލަންވާނީ އޮޓަމެޓިކު އެޕީލެއްގެ ގޮތުގައި (މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ މައްސަލައެއްގެ ގޮތުގައި) ކަމަށާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2015/14/SC (ދަށު ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިސްތިއުނާފުކުރުމާ ގުޅޭ) ސަރކިއުލަރ އަކީ މިފަދަ މައްސަލަތަކުގައި އަމަލުކުރަން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އިޖުރާއަތު ކަމަށާއި، ގާނޫނުލްއުގޫބާތުގެ 1204.މ (ރ) އާ ޚިލާފުވާ ގޮތަށް މި ސަރކިއުލާ މާނަނުކުރެވޭނެ ކަމަށާއި، މި ސަރކިއުލަރއަށް އަމަލުކުރުން ކަމަށް ދެކިގެން ގާނޫނުލްއުގޫބާތުގެ 1204.މ (ރ) ގެ ދަށުން ބަލާ މައްސަލައިގެ ތަރަހަ ކަނޑައެޅުމުގެ ބާރު ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބޭ ގޮތަށް އެ މާއްދާ މާނަކޮށް ތަތުބީގުކުރެވޭނެ ކަމަށް ނުދެކޭ ކަމަށެވެ. އެހެނީ އެ މާއްދާގެ މަގުސަދަކީ މަރުގެ އަދަބު ކަނޑައެޅިފައިވާ މީހާގެ މައްޗަށް އެ އަދަބު ތަންފީޒުކުރުމުގެ ކުރީން، އެފަރާތުގެ މައްޗަށް ޝަރިއަތްކޮށް ހުކުމްކުރުމުގައި ވާގިއާތައް ޔަގީންކޮށްފައިވާ ގޮތާއި، ގާނޫނު ތަތުބީގުކޮށްފައިވާ ގޮތް އެއީ ރަނގަޅަށް ކޮށްފައިވާ ކަންތައްތަކެއްތޯ ބެލުން ކަން ގާނޫނުލްއުގޫބާތުގެ 1204.މ (ރ) ގެ ނައްސުންނާއި އޭގެ ރަސްމީ ކޮމެންޓަރީއިން އެނގޭ ކަމަށެވެ.

14ބުނެވިދިޔަ ނުކުތާގެ ރައްދުގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ގާނޫނުލްއުގޫބާތުގެ މ.1204 (ރ) އަށް ބަލާއިރު، ދަށުކޯޓުގެ ހުކުމުގެ ހުރިހާ ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތް މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންޖެހޭކަން އެނގޭ ކަމަށާއި، ނަމަވެސް، މީގެ މާނައަކީ މުޅި މައްސަލަ އައްވަލުން ފަށައިގެން އެއްކޮށް އަލުންބަލުން ބެލުން ކަމަށް ނުދެކޭ ކަމަށެވެ. އޭގެ ބަދަލުގައި ކުރަންޖެހޭނީ ހުކުމުގެ ރިވިއުއެއް ކަމަށާއި، މި ރިވިއުގެ ތެރޭގައި ހިމެނެންވާނީ މައްސަލައިގެ ވާގިއާތައް ދެނެގަނެ ޚަސްމުން ހުށަހަޅާފައިވާ ހެކިތައް ވަޒަންކޮށް ދޭހަތައް ނެރެފައިވަނީ ރަނގަޅަށްތޯ ބެލުމާއި، މުއްތަހަމުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ރުކުންތަކާއި، މުއްތަހަމު ނަގާފައިވާ ދިފާއުތަކާއި ކުށުގެ އަދަބު ކަނޑައެޅުމާބެހޭ އުސޫލުތައް ތަތުބީގުކޮށްފައިވަނީ ރަނގަޅަށްތޯ ބެލުން ކަމަށެވެ. އަދި ޚަސްމުން ހުށަހަޅާ ނުކުތާތަކާ ގުޅިގެން ރިއާޔަތްކުރަންޖެހޭ ހުރިހައި ގާނޫނީ އުސޫލުތަކަށް ރިއާޔަތް ކޮށްފައިވޭތޯވެސް ބަލަންޖެހޭ ކަމަށް ދެކޭ ކަމަށެވެ.

15އިތުރަށް ޕްރޮސިކިއުޝަނުން ބުނެފައިވަނީ، ހައިކޯޓުން ހަމައެކަނި ބަލާފައިވަނީ ޕްރޮސިކިއުޝަނުން މި މައްސަލައިގައި ހައިކޯޓަށް ހުށަހެޅި ނުކުތާތައް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނި ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ. ސަބަބަކީ ދައުލަތުން ހުށަހެޅި ނުކުތާތައް ފިޔަވައި އެހެން ނުކުތާއެއް ފާހަގަކުރުމުގެ ފުރުސަތު މުޙައްމަދު ސަމާޙުއަށް ނޯންނާނެ ކަމަށް ހައިކޯޓުން ނިންމާފައި ނެތް ކަމަށާއި، މުޙައްމަދު ސަމާޙުގެ ފަރާތުން ހުށަހަޅަން ބޭނުންވި ނުކުތާއެއް ހުށަހެޅުން މަނާކޮށް، ނުވަތަ އެ ނުކުތާތަކާބެހޭ ގޮތުން ވާހަކަދެއްކުމުގެ ފުރުސަތު ނުދީ އޮތްކަމަށް، ނުވަތަ އެކަމަށް ރިއާޔަތްކޮށްފައި ނެތް ކަމަށް މުޙައްމަދު ސަމާޙުއަށް ދެއްކިފައި ނުވާ ކަމަށެވެ.

16މީގެ އިތުރުން، ޕްރޮސިކިއުޝަނުން ބުނެފައިވަނީ މުޙައްމަދު ސަމާޙުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ހުރިހާ ނުކުތާތައް އެކޯޓުން އަޑުއަހާފައިވާ ކަމަށެވެ. އެގޮތުން، 16 ފެބްރުއަރީ 2020 ގައި މުޙައްމަދު ސަމާޙުގެ ވަކީލު ދެއްކިވާހަކައިގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މަޖުބޫރުން ކުށަށް އިއުތިރާފުކުރުވާފައިވާ ކަމަށާއި ވާރިސުންގެތެރޭގައި ކުޑަކުއްޖަކު ހުރުމުން އެ ކުއްޖާގެ ބަސް ނުހޯދައި ގިސާސް ހިފުމަށް ހުކުމް ނުކުރެވޭނެ ކަމަށާއި، އެހެންކަމުން އިސްތިއުނާފީ މައްސަލައެއްގައި މުޙައްމަދު ސަމާޙުގެ ފަރާތުން ދައްކަން ބޭނުންވާނެ ހުރިހާ ވާހަކައެއް ހައިކޯޓުގައި ދައްކާފައިވާ ކަމަށެވެ. މިގޮތުން، މުޙައްމަދު ސަމާޙުގެ ވަކީލު ބަޔާންކުރި ނުކުތާތަކަށް ހައިކޯޓުގެ ހުކުމުގައި ޖަވާބުދީފައިވާ ކަމަށާއި، އެކަން އެނގެނީ ހުކުމުގެ 8 ވަނަ ޕެރެގްރާފާއި 12 ވަނަ ސަފްހާގެ 2 ވަނަ ނަންބަރުގައި؛ (ހ) މަޖުބޫރުކޮށްގެން އިއުތިރާފުކުރުވާފައިވާ ކަމަށް މުޙައްމަދު ސަމާޙު ބުނެފައިވާ ބުނުމާގުޅިގެން ހަރުދަނާ ސަބަބެއް ދައްކައި އޭނާގެ ފަރާތުން ހެކި ދައްކާފައި ނުވާކަމަށް ހައިކޯޓުން ބުނެފައިވާތީ އާއި، (ށ) އަދި މައްސަލަ ސާބިތުވެފައިވަނީ މުޙައްމަދު ސަމާޙުގެ އިއުތިރާފުންނާއި ހުށަހެޅިފައިހުރި ކިތާބީ ހެކިތަކަށް ރިއާޔަތްކޮށްގެން ކަމަށް ހައިކޯޓުން ފާހަގަކޮށްފައިވާތީ އާއި، (ނ) ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހުރިނަމަ އަމަލުކުރާނެ ގޮތާބެހޭ ގޮތުން ވެސް ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވާތީ ކަމަށެވެ. ތައުނުކުރެވޭ އިއުތިރާފަކީ ދައުވާ ސާފުވެފައިނެތި ދީފައިވާ ބަޔާނެއް ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނާ ބުނުން

17ކުށް ސާބިތުކުރެވޭނޭ ސައްހަ އިއުތިރާފެއް ނެތް ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނާ އެއް ސަބަބަކީ ޝަރިއަތުން މުޙައްމަދު ސަމާޙުގެ ބަސް ނެގުމުގެ ކުރިން ގާނޫނުއަސާސީގެ މ.51 (ހ) އާ އެއްގޮތަށް ދައުވާ ބިނާވާ ގާނޫނާއި އެ ގާނޫނުގައި އެކުށަށް ދެވޭ އަދަބު ސާފުކޮށް ކިޔައިދީފައި ނުވާތީ ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައި ވެއެވެ.

18މި ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުން ބުނެފައިވަނީ މި މައްސަލައިގައި ދައުވާކޮށް ޝަރިއަތް ހިންގާފައިވަނީ 2012 ވަނަ އަހަރުގައި ކަމަށާއި، އެއިރު ދައުވާ އޮންނަންވާނެ ވަކިގޮތެއް، އަދި ދައުވާ ސާފުކޮށްދޭންވާނެ ވަކި ޚާއްސަގޮތެއް ގާނޫނެއްގައި ބަޔާންކޮށްފައި ނެތް ކަމަށާއި، އެ ހާލަތުގައި ދައުވާ ސާފުވުމުގެ ހައްގު ފޯރުކޮށްދީފައި ވޭތޯ ބެލުމުގައި ސުޕްރީމް ކޯޓުގެ އަދްނާން ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ހުކުމުގެ 17 ވަނަ ޕެރެގްރާފުން 29 ވަނަ ޕެރެގްރާފުގެ ނިޔަލަށް ބަޔާންކޮށްފައިވާ އުސޫލަށް ރިއާޔަތްކޮށްގެން މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގެ ދައުވާ ޝަރިއަތަށް ހުށަހަޅައި މުޙައްމަދު ސަމާޙުގެ މައްޗަށް ދައުވާކުރަނީ ގަސްތުގައި މީހަކު މެރުމުގެ ދައުވާކަން ބުނެދީފައިވާ ކަމަށާއި، އެ ހާދިސާ ހިނގާފައިވާ ވަގުތާއި ތަން ކިޔައިދީ މުޙައްމަދު ސަމާޙު މީހަކު މެރުމަށް ތިލައިގެ ދިގުމިނުގައި 4 އިންޗި ހުންނަ ވަޅިއަކުން އާދަމް ޙަލީމުގެ ކޮނޑުހުޅު ކައިރިއަށް ހަމަލާދިނުމުން ލިބުނު އަނިޔާއަށް ފަރުވާދެމުން ގެންދަނިކޮށް 23 ޖުލައި 2012 ދުވަހުގެ 00:10 ގައި އާދަމް ހަލީމް މަރުވެފައިވާތީކަން ސާފުކޮށް ބުނެދީފައިވާ ކަމަށެވެ. އަދި 31 ޖުލައި 2012 ދުވަހު އޮތް ޝަރިއަތުގެ މަޖިލީހުގައި ދައުލަތުން އޭނާގެ މައްޗަށް ކުރި ދައުވާ އޭނާއަށް ސާފުވެއްޖެ ކަމަށް ބުނެ މުޙައްމަދު ސަމާޙު ބަޔާންދީފައިވާ ކަމަށެވެ. އެހެންކަމުން، މިއިން އެނގެނީ މުޙައްމަދު ސަމާޙު އެ ދުވަހު ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވަނީ ދައުވާ ސާފުވެ، އެ އިއުތިރާފުގެ ނަތީޖާ އެނގިހުރެގެންކަން ސާފުކޮށް އެނގޭ ކަމަށެވެ. މީގެ އިތުރުން އެ ޝަރިއަތުގެ މަޖިލީހުގައި "... އަޅުގަނޑު އާދަމް ޙަލީމުގެ އާއިލާގެ ފަރާތުން މައާފަށް އެދި އަޅުގަނޑު ބޭނުންވަނީ މިކަމަށް ތައުބާވާށެވެ. އަދި ޝަރީއަތުގެ މަޖިލީހުންވެސް މިކަމަށް އަޅުގަނޑަށް އަދަބު ލިބި ތައުބާވުމުގެ ފުރުސަތު ލިބުމަށް" އެދޭ ކަމަށް ބުނެފައި އޮތް މި އިބާރާތުން އެނގެނީ މުޙައްމަދު ސަމާޙު އިއުތިރާފުވެފައިވަނީ ދައުވާ ސާފުވެފައިވާ ހާލުގައި، އަދި އޭނާ ވެފައިވާ އިއުތިރާފުގެ ނަތީޖާވެސް އެނގިހުރެގެން ކަމަށް ބަލަންޖެހޭ ކަމަށެވެ. ސާފު އިއުތިރާފެއް ނެތް ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނާ ބުނުން

19މި މައްސަލައިގައި ކުށް ސާބިތުކުރުމަށް ފުދޭ ސައްހަ އިއުތިރާފެއް ނެތް ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެ ހުށަހެޅި ދެވަނަ ސަބަބަކީ، މި މައްސަލައިގައި ސައްހަ އިއުތިރާފެއް އެބައޮތް ކަމަށް ޕްރޮސިކިއުޝަނުން ބުނެ ފާހަގަކުރާ ބަސް އޮތީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާއާއި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އަޙްމަދު މުއްރަތު، އާއި ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ހުމާމް އަޙްމަދު އާއި ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ނަބީލު ގަޒިއްޔާތަކުގައި ބަޔާންވެފައިވާ ފަދަ ސާފު އިބާރާތަކުން ކަމަށް ނުވާތީ ކަމަށެވެ.

20މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ ގަސްތުގައި މީހަކު މެރިކަމުގެ ކުށުގެ ދައުވާ މުޙައްމަދު ސަމާޙުގެ މައްޗަށް 31 ޖުލައި 2012 ގައި އޮތް ޝަރިއަތުގެ މަޖިލީހުގައި ދައުލަތުން ހުށަހެޅުމުން މުޙައްމަދު ސަމާޙު ޖަވާބުދީފައިވަނީ އަންނަނިވި ގޮތަށް ކަމަށެވެ. މުޙައްމަދު ސަމާޙު - "... އެކަމަކީ ގަސްތުގައި މީހަކު މެރުމުގެ ނިޔަތުގައި އަޅުގަނޑު އެ ވަޅި އަތުން ހިފައިގެން އައިސް އޭނާއަކަށް ހަމަލާ ނުދެމެވެ. އެގޮތަށް ދައުލަތުން ބުނާ ނަމަ، އެ ދައުވާއަށް އަޅުގަނޑު އިންކާރުކުރަމެވެ." މުޙައްމަދު ސަމާޙް - "ނަމަވެސް އެ ވަޅި އާދަމް ޙަލީމްގެ ގައިގާ އެޅުމުގެ އެއްވެސް ނިޔަތެއް އަޅުގަނޑުގެ ހިތުގައި ނެތެވެ." މުޙައްމަދު ސަމާޙް - "އަޅުގަނޑު ގަސްތުގައި މީހަކު މެރިކަމަށް ބުނާތީ، އެކަމަށް އަޅުގަނޑު އިންކާރުކުރާ ވާހަކައެވެ."

21މަތީގައިވާ ބަޔާން އޮތް ގޮތުން، ގަސްތުގައި މީހަކު މެރިކަމަށް ކުރާ ތުހުމަތަށް ތަކުރާރުކޮށް މުޙައްމަދު ސަމާޙު އިންކާރުކޮށްފައި އޮތުމުން، ގަސްތު މަރު ސާބިތުކުރެވޭނޭ އިއުތިރާފެއް މި މައްސަލައިގައި ކޯޓުގެ ކުރިމަތީގައި ނެތްކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައި ވެއެވެ.

22މި ނުކުތާއަށް ޖަވާބު ދެމުން ޕްރޮސިކިއުޝަނުން ބުނެފައިވަނީ މުޙައްމަދު ސަމާޙު ދައުވާއަށް ޖަވާބުދިން އިރު ކުށުގެ އަމަލަށް އިންކާރުނުކުރާ ކަމަށާއި، މެރުމުގެ ގަސްތު ނެތް ކަމަށް އޭނާ ބުނި ނަމަވެސް ކުށުގެ އަމަލުކުރިކަމަށް އެއްބަސްވެ އިއުތިރާފުވެފައިވާ ކަމަށެވެ.

23ޕްރޮސިކިއުޝަނުން ބުނެފައިވަނީ ދައުވާއަށް ޖަވާބުދެމުން މުޙައްމަދު ސަމާޙު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ފުރަތަމަ ބުނެފައިވަނީ "މިކަމަކީ އަޅުގަނޑުގެ އަތުން ހިނގާފައިވާ ކަމެކެވެ." މި ތަނުގައި މުޙައްމަދު ސަމާޙު މި އެއްބަސްވީ ދައުލަތުން ކުރި ދައުވާގައި ތަފްސީލުކޮށްދިން ހާދިސާގެ މައިގަނޑު ވާގިއާ ތަކަށެވެ. އެހެނީ މުޙައްމަދު ސަމާޙުގެ މި ބުނުން އޭނާ ބުނީ އޭނާއަށް ދައުވާގެ ވާގިއާތައް އިއްވުމާ ވިދިގެން ކަމަށްވާތީއެވެ. އަދި މި ހާދިސާ ހިނގައި ދިޔަގޮތް ޝަރިއަތުގެ މަޖިލީހުގައި ކިޔައިދެމުން މުޙައްމަދު ސަމާޙު އިތުރަށްބުނެފައިވަނީ، "... އެކަން ހިނގާދިޔަ ގޮތަކީ އަޅުގަނޑު އެރޭގެ ވަގުތެއްގައި ގޭދޮށުގައި އަޅުގަނޑު މަސްތުގެ ހާލަތުގައި ހުއްޓާ، އަޅުގަނޑު ބޭރުގައި އުޅުނުކަމަށް އާދަމް ޙަލީމަށް ފެނިގެން އަޅުގަނޑު ބަލާ ގެއަށް އައިސް އަޅުގަނޑު ގާތުގައި ދިޔުމަށް ބުނުމުން، އަޅުގަނޑު ގޭތެރެއަށް ވަނީއެވެ. އަދި އާދަމް ޙަލީމާއެކު ދިއުމުގެ ހައިސިއްޔަތުން އަޅުގަނޑުގެ ގައިގާ އެއްޗެއް ނުލައި ހުރުމުން ޓީޝާޓު ލުމަށްޓަކައި ގެއަށް ވަނީއެވެ. އަދި ގެއަށް ވަނުމުން އަޅުގަނޑުގެ ޚިޔާލަށް އައީ އާދަމް ޙަލީމަށް ބިރު ދައްކާ ލުމަށެވެ. އަދި އަޅުގަނޑު މަސްތުގެ ހާލަތުގައި ހުރެގެން އާދަމް ޙަލީމަށް ބިރު ދައްކާލުމުގެ ގޮތުން ވަޅި ހިފައިގެން އައީއެވެ. އަޅުގަނޑު ވަޅި ހިފައިގެން އައީ އެއްވެސް ހާލަތެއްގައި ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައެއް ނޫނެވެ. އެކަމަކު އެވަގުތު އަޅުގަނޑު މަސްތުގެ ހާލަތުގައި ހުރުމުން އަޅުގަނޑުގެ އަތުން އާދަމް ޙަލީމްގެ ގަޔަށް އެވަޅި ހެރި، އެވަޅިން އޭނާއަށް ވަނީ ހަމަލާ ދެވިފައެވެ. އެކަމަކީ އަޅުގަނޑުގެ އަތުން ހިނގާފައިވާ ކަމެކެވެ. ނަމަވެސް އެކަމަކީ ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި އަޅުގަނޑު އެވަޅި ހިފައިގެން އައިސް އޭނާއަކަށް ހަމަލާއެއް ނުދެމެވެ. އެގޮތަށް ދައުލަތުން ބުނާނަމަ، އެދައުވާއަށް އަޅުގަނޑު އިންކާރުކުރަމެވެ." މިގޮތަށް ކަމަށްވުމުން، ބިރު ދެއްކުމުގެ ނިޔަތުގައި މުޙައްމަދު ސަމާޙު ވަޅިއެއް ހިފައިގެން އާދަމް ހަލީމުއާ ކުރިމަތިލާފައިވާކަން މުޙައްމަދު ސަމާޙުގެ އަމިއްލަ ބަސްތަކުން ސާފުކޮށް އެނގޭ ކަމަށާއި، އަދި އެ ވަޅިން އާދަމް ޙަލީމު އަށް، މުޙައްމަދު ސަމާޙު ހަމަލާދީފައިވާ ކަމާއި، މިކަންކަމަށް އޭނާ އެއްބަސްވެފައިވާ ކަން ސާފުކޮށް އެނގޭ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ. ނަމަވެސް އޭނާ އެކަން ކުރީ ގަސްތުގައި މީހަކު މެރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާގެ ބަޔާނުގައި ބުނެފައި އޮތް ނަމަވެސް، އެ އިއުތިރާފު ބަޔާނުގައި އޭނާ ބުނެފައިވާ ވާހަކަތަކުން ގަސްތުގެ މަރުގެ ނިޔަތް އެނާގެ ކިބައިގައި އޮތްކަން ހާމަވާ

24އިތުރަށް، ޕްރޮސިކިއުޝަނުން ބުނެފައި ވަނީ ހައިކޯޓުގެ ގަޒިއްޔާގެ 8 ވަނަ ސަފުހާގެ 3 ވަނަ ޕެރެގްރާފުން ފެށިގެން 12 ވަނަ ސަފުހާގެ ނިޔަލަށް ބަލާއިރު މައްސަލަ ސާބިތުވެފައިވަނީ، މުޙައްމަދު ސަމާޙުގެ އިއުތިރާފުތަކުންނާއި ހުށަހެޅިފައިހުރި ހެކި ގަރީނާތަކަށް ރިއާތްކުރެވިގެންކަން އެނގޭ ކަމަށެވެ. އަދި އިސްލާމީ ޝަރިއަތުގައި އިއުތިރާފާ ގުޅޭ އުސޫލުތަކަށް ހަވާލާދީ އިއުތިރާފުން ރުޖޫއަވެވިދާނެކަން ނުވަތަ ނޫންކަމަށް ޝަރުއީ އުސޫލުތަކާ ހަވާލާދީ ހައިކޯޓުން ބަލާފައިވާކަން އެނގޭ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ.

25މީގެ އިތުރުން، މުޙައްމަދު ސަމާޙު، އާދަމް ޙަލީމުއަށް ހަމަލާދިނީ މަރާލުމުގެ ގަސްތުގައި ކަމަށް މުޙައްމަދު ސަމާޙު އެއްބަސްނުވި ނަމަވެސް، އިތުރު ހެކި ހުށަހެޅުމެއްނެތި، މުޙައްމަދު ސަމާޙު ވެފައިވާ އިޢުތިރާފުން ހާމަވާ ވާގިއާތަކުން ގަސްތުގައި މީހަކު މެރިކަމުގެ ނިޔަތް ދެނެގަނެވޭ ކަމަށްވެސް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ.

26ޕްރޮސިކިއުޝަނުން ދެއްކި ވާހަކައިގައި މީގެ އިތުރަށް ބުނެފައިވަނީ، ގަސްތު މަރުގެ އަމަލަށް އެއްބަސްވެފައި، އެ އަމަލު ހުއްދަވެގެންވާ އެއްވެސް ހާލަތެއް އޮތްކަން ބަޔާންކޮށްފައިނުވާ ނަމަ، އެ އިއުތިރާފަކީ އިތުރެއް ގެނެސްފައިވާ ނުވަތަ ދެމާނަ ދޭހަވާ އިއުތިރާފެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އެހެނީ އެހާލަތުގައި ތުހުމަތުކުރެވޭ އަމަލާއި އިއުތިރާފުވި އަމަލަކީ އެއް އަމަލެކެވެ. އެ އަމަލު ހިންގީ އޮޅިގެން ކަމަށް ނުވަތަ އަމިއްލަ އިޚްތިޔާރެއް ނެތި ކަމަށް ނުވަތަ ހުއްދަ ސަބަބެއް އޮވެގެން ކަމަށް މުޙައްމަދު ސަމާޙު ބުނެފައިނުވާ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ. ކުށް ސާބިތުވެފައި އޮތީ ހަމައެކަނި އިއުތިރާފުގެ މައްޗަށް ނޫންކަމަށް ޕްރޮސިކިއުޝަނުން ބުނާބުނުން

27ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ދައުވާ ސާބިތުކޮށްފައިވަނީ ހަމައެކަނި މުޙައްމަދު ސަމާޙުގެ އިއުތިރާފުގެ މައްޗަށް ނޫންކަމަށެވެ. ސަބަބަކީ ކްރިމިނަލް ކޯޓުގެ ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓުގެ 9، 10، 13، އަދި 16 ވަނަ ނުކުތާގެ 3 ވަނަ ނަންބަރުގައި "މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު" މި ގޮތަށް ބަޔާންކޮށްފައި އޮތުމުން، ކިތާބީ ހެކިތައް ފަނޑިޔާރު ވަޒަންކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި ހައިކޯޓުގެ ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 3، 2، 3 އަދި 3.4 ވަނަ ނުކުތާއަށް ބަލާއިރު، މުޙައްމަދު ސަމާޙު ވެފައިވާ އިއުތިރާފާއެކު މައްސަލައިގައި ހުށަހެޅިފައިވާ އެހެން ހެކި ގަރީނާއަށް ހައިކޯޓުންވެސް ރިއާޔަތްކޮށް އިއުތިރާފުގެ ސައްހަކަން ކަށަވަރުކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި މި ލިޔުންތައް ކޯޓަށް ފޮނުވިކަން ދައުވާ ފޯމުގެ 5 ވަނަ ނަންބަރުން އެނގޭ ކަމަށާއި، އަދި އިތުރު 2 ސިޓީއަކުން ބައެއް ލިޔުންތައް ކޯޓަށް ފޮނުވާފައިވާ ކަން އެނގޭ ކަމަށެވެ. އަދި މި ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތަކަށް ހުކުމުގައި ސީދާ ހަވާލާދީ އަދި ބައެއް ލިޔުންތަކަށް ޖުމްލަގޮތެއްގައި ހަވާލާދީ މުޙައްމަދު ސަމާޙުގެ އިއުތިރާފަކީ ހަގީގަތުގައި ހިނގިކަމެއްގެ މައްޗަށް ވެފައިވާ އިއުތިރާފެއްކަން ދަށުކޯޓުން ކަށަވަރުކޮށްފައިވާ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ.

28ޕްރޮސިކިއުޓަ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ދައުވާލިބޭ މީހާ ތަހުގީގުގައި ކުށުގެ އަމަލު ހިންގިކަމަށް އިއުތިރާފުވެފައިވާނަމަ އަދި އެއިއުތިރާފަށް ބާރުދޭ ހެކި ހުރިނަމަ، ދައުވާލިބޭ މީހާގެ އިއުތިރާފަކީ، މައްސަލަ ނިންމުމުގައި އެއަށް ރިއާޔަތްކުރެވޭނެ ހަރުދަނާ ގަރީނާއެއްކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާދަމް ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ (ނ) އިން ސާފުވާ ކަމަށެވެ. އަދި މިހާލަތުގައި ބަލަންޖެހެނީ، ދައުވާލިބޭ މީހާގެ އިއުތިރާފަށް ބާރުދޭނެ ގުޅިފައިވާ ހެކި ނުވަތަ ގަރީނާ ޝަރިއަތަށް ހުށަހެޅިފައިވޭތޯ އެވެ. މި މައްސަލާގައި މުޙައްމަދު ސަމާޙު ކުށުގެ އަމަލު ހިންގިކަމަށް ތަހުގީގުގައި އަދި ޝަރީއަތުގައިވެސް ވެފައިވާ އިއުތިރާފަށް ބާރުދޭ ގުޅިފައިވާ ގިނަ ހެކިތައް ހުށަހެޅިފައިވާ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ.

29ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ އިސްލާމީ ޝަރީއަތަށް ބަލާއިރު، ދެ ގޮތަކުން ގަސްތު އޮތްކަން ސާބިތުކުރެވިދާނެ ކަމަށެވެ. ފުރަތަމަ ގޮތަކީ ގަސްތުގައި މެރިކަމަށް އެއްބަސްވުމެވެ. ދެވަނަ ގޮތަކީ އާއްމުކޮށް މީހަކު މަރުވާފަދަ ވަސީލަތެއް ބޭނުންކޮށްގެން މީހަކު މަރާފައިވުމެވެ. އާއްމުކޮށް މީހަކު މަރުވާފަދަ އެއްޗަކުން ހަމަލާދީ މަރާލިނަމަ، ގަސްތު އޮތްކަމާމެދު އެއްވެސް ޝުބުހާއެއް ނެތް ކަމަށެވެ. މިހާލަތުގައި ބެލެވޭނީ މީހަކު މަރާލުމުގެ ގަސްދު އޮތްކަމަށެވެ. އަދި އެއީ ގަސްތުގައި މީހަކު މެރުން ކަމަށެވެ. ޙަނަފީ މަޒުހަބަށް ބަލާއިރު، އާއްމުކޮށް މީހަކު މަރުވާފަދަ އަދި މެރުމަށް ތައްޔާރުކުރެވިފައިވާ ތަކެތިން މީހަކު މެރުމަކީ ގަސްދުގައި މީހަކު މެރުމެވެ. މި މާނައިގައި ހިމެނޭ ތަކެއްޗަކީ ކަނޑި، ބަޑި، ވަޅި، ތީރު ފަދަ އެއްޗެއްސެވެ. ޝާފީޢީންނާއި ހަންބަލީންގެ ނަޒަރުގައި އާއްމުކޮށް މީހަކު މަރުވާފަދަ އެއްޗަކުން ޙަމާލާދީ މީހަކު މަރައިފިނަމަ އެއީ ގަސްތުގައި މީހަކު މެރުމެވެ. މަލިކީންގެ ނަޒަރުގައި ޚަޠައަކަށް (އޮޅުމަކުން މީހަކު މެރުން) ނުވާ ކޮންމެ މަރަކީ ގަސްތުގައި މީހަކު މެރުމެވެ. އެހެންކަމުން، ގަސްތު މަރުގެ މައްސަލަތަކުގައި، މަރާލުމުގެ ނިޔަތް ގާތިލުގެ ކިބައިގައި އޮތްކަން ކަނޑައަޅާ އެއް ހަމައަކީ، ހަމާލާދިނުމަށް ބޭނުންކުރާ ހަތިޔާރަށް ބަލައިގެން ނިޔަތް އޮތްކަމަށް ކަނޑައެޅުންކަން އެނގޭ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ. ދެވަނަ ގޮތަކީ، ހަމަލާދީފައިވާ ތަނަށް ބެލުން ކަމަށެވެ. މިގޮތަށް ބަލާއިރު، އެތަނަކީ، އެފަދަ ހަމަލާއެއް އަމާޒުވުމުގެ ސަބަބުން މީހަކު މަރުވުމަށް މަގުފަހިވެދާނެފަދަ ނާޒުކު ގުނަވަނެއްތޯ ބަލަންޖެހޭ ކަމަށާއި، މިކަންކަން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުއްރަތު ގަޒިއްޔާއާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މުޙައްމަދު ނިޔާޒް ގަޒިއްޔާގެ 32 ވަނަ ޕެރެގްރާފުންނާއި، ހައިކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އިބްރާހީމް ޝަހުމް އާދަމްއާއި، ޙަސަން ޝިމާޒް މުޙައްމަދު ސުވާދު ގަޒިއްޔާގެ 77.3 ވަނަ ޕެރެގުރާފުން ސާފުވާ ކަމަށެވެ. އަދި މި މައްސަލާގައި ހުށަހެޅިފައިވާ ހެކިތަކުން ސާފުވާން އޮތް ހަގީގަތަކީ، މުޙައްމަދު ސަމާޙު ތޫނު ވަޅިއެއް ބޭނުންކޮށްގެން އާދަމް ޙަލީމުގެ ކޮނޑު ހުޅު ކައިރިއަށް ހަމަލާދީފައިވާކަމާއި އެތަނަކީ، ހަށިގަނޑުގައި ލޭ ދައުރުކުރާ މައި ނާރެއް ހުރަސްކޮށްފައިވާ ތަނެއް ކަމާއި، މި ކަންކަމުން މުޙައްމަދު ސަމާޙުގެ ކިބައިގައި، އާދަމް ޙަލީމް މަރާލުމުގެ ގަސްތު އޮތްކަމަށް ޝަރުއީ ހަމައިން ބަލަންޖެހޭކަމަށް ދައުލަތުން ދެކޭ ކަމަށް ބުނެފައި ވެއެވެ.

30ޕްރޮސިކިއުޝަނުން ބުނެފައިވަނީ މި މައްސަލައިގެ ހާދިސާ ހިނގި ދުވަހު މުޙައްމަދު ސަމާޙު ތަކުރާރުކޮށް އެކި ފަހަރު މަތިން މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން އޭނާގެ ތަޙްގީގު ބަޔާނުގައާއި ޝަރީއަތުގައި ދެއްކި ވާހަކައިގައި ބުނެފައިވާ ކަމަށާއި، މަސްތުވާތަކެތި ބޭނުންކުރީ އަމިއްލަ އިޚްތިޔާރުގައި ކަމަށް އޭނާ ބުނެ އެކަމަށް އިޢުތިރާފުވި ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އަޙްމަދު މުއްރަތު ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާގެ 05 ވަނަ ނަންބަރުގެ 06 ވަނަ ނުކުތާއަށް ބަލާއިރު، މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި މަސްތުވެގެން ހުރެ އިސްލާމީ ޝަރީއަތުގައި ގަސްތު މަރެއްކަމުގައި ބެލެވޭ އަމަލެއް މީހަކު ހިންގައިފިނަމަ އެހާލަތުގައި، ގަސްތުގެ ނިޔަތް ނުވަތަ ގަސްތުގައި މީހަކު މެރުމުގެ ނިޔަތް އެ މީހާގެ ކިބައިގައި ނެތްކަމަށް ކަނޑަނޭޅޭނެ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އެހެންކަމުން، މީހަކު މަރާލެވޭފަދަ ތޫނު ހަތިޔާރެއް (މިމައްސަލާގައި ނަމަ ވަޅިއެއް) ބޭނުންކޮށްގެން އާދަމް ޙަލީމުގެ ކޮނޑުހުޅުގެ ކައިރިއަށް މުޙައްމަދު ސަމާޙު ހަމަލާދިން އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައިކަމަށް ބެލިނަމަވެސް، މި ހާލަތަކީ، މުޙައްމަދު ސަމާޙު ބުނާގޮތަށް އޭނާގެ ގަސްތު ނެތްކަމަށް ޝަރުއީގޮތުން ނިންމޭނެ ހާލަތެއްކަމަށް ނުދެކޭ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ.

31ބިރުދައްކާލަން އުޅުމުގެ ތެރޭގައި މުޙައްމަދު ސަމާޙުގެ އަތުން އާދަމް ޙަލީމްގެ ގަޔަށް ވަޅި ހެރުނީކަމަށް މުޙައްމަދު ސަމާޙު ބުނާއިރު، އާދަމް ހަލީމުގެ ކޮނޑަށް މުޙައްމަދު ސަމާޙު ވަޅި ހެރި މަންޒަރު ސީދާ ލޮލަށް ފެނުނު ހެއްކެއް ނެތް ކަމަށާއި، އެހެންކަމުން، އާދަމް ހަލީމުގެ ކޮނޑަށް މުޙައްމަދު ސަމާޙު ގަސްތުގައި ވަޅި ހަރާފައިވާކަން ނުވަތަ ނޫންކަން ދެނެގަނެވޭނީ، ކަންހިނގާފައިވާ ގޮތާއި، ހާލަތަށާއި، ގަރީނާތަކުން ފައުޅުވެ ފެންނަން ހުރި ކަންކަމުގެ މައްޗަށް ބިނާކޮށް ހެކިތައް ވަޒަންކުރެވިގެން ކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ. މިގޮތުން ކޮންސްޓަބްލް އާދަމް ހަލީމު، މުޙައްމަދު ސަމާޙު ދިރިއުޅޭ ގެއަށް އައިސްހުރީ މުޙައްމަދު ސަމާޙު ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ކަމާއި، އެކަމާ މުޙައްމަދު ސަމާޙު ހިތްހަމަނުޖެހި ރުޅި އައިސްފައި ހުރިކަން އެނގޭ ކަމާއި، އަދި މުޙައްމަދު ސަމާޙު ގެއަށް ވަދެ ތޫނު ވަޅިއެއް ހިފައިގެން އައިސް އާދަމް ޙަލީމުއާ އަދާވާތްތެރިކަމާ އެކު ކުރިމަތިލާފައިވާކަން އެނގޭ ކަމާއި، ވަޅި ޖަހާފައިވަނީ ކޮނޑަށްކަމަށް ވާއިރު، ލިބިފައިވާ ޒަޚަމުގެ ފުންމިނަށާއި، ލިބިފައިވާ އަނިޔާއަށް ބަލާއިރު ވަޅި ހުރީ ކިރިޔާ ހެރިލާފައި ނޫންކަން ސާފުވާ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ. ވަޅި ހެރުމަށްފަހު އަމަލުކުރި ގޮތަށް ބަލާއިރު، އޮޅުމަކުން ހެރުނުނަމަ، ދޭންޖެހޭ އެހީތެރިކަމާއި، ސަމާލުކަން ދެވިފައި ނެތް ކަމަށާއި ވަޅި ހެރުނީ ކަމަށް މުޙައްމަދު ސަމާޙު ބުނިނަމަވެސް، ކްރިމިނަލް ކޯޓުގައި 31 ޖުލައި 2012 ދުވަހު ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި، "ފަހަތަކުން ނޫނެވެ. އަޅުގަނޑު އާދަމް ޙަލީމަށް ހަމަލާދިނީ ސީދާ ކުރިމަތިންނެވެ." މިހެން ބުނެ ވަޅި ހެރިކަމަށް މުޙައްމަދު ސަމާޙު އިއުތިރާފުވެފައިވާ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ. އަދި މުޙައްމަދު ސަމާޙުގެ ހިތުގައި އާދަމް ޙަލީމާ މެދު އަދި ފުލުހުންނާ މެދު ނަފުރަތްތެރިކަމެއް އުފެދި އިންޒާރުގެ ބަސްތައް ރައްދުކޮށްފައިވާކަމާއި، އަދި ހާދިސާ ހިނގި ދުވަހު، އާދަމް ޙަލީމު ހުރީ މުޙައްމަދު ސަމާޙު ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ގޮސް ކަމަށްވެފައި، މުޙައްމަދު ސަމާޙު އެކަމަށް ދެކޮޅު ހަދައި، ދާން ބޭނުންނުވެ ރުޅި އަސްފައިވުމާއި، މިފަދަ އެންމެހައި ކަންކަމަކީ، އާދަމް ޙަލީމުއަށް ޙަމަލާ ދިނީ ގަސްދުގައި ކަން ދަލާލަތުކޮށްދޭ ސަބަބުތަކެއްކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ. މީގެއިތުރުން، މުޙައްމަދު ސަމާޙު ވަޅި ގެންދިޔައީ އާދަމް ޙަލީމުއަށް ބިރުދައްކާލުމުގެ ގޮތުންކަމަށް މުޙައްމަދު ސަމާޙު ބުނެފައިވާއިރު، ބިރުދެއްކުމަށް ގެންދިޔަ ވަޅީގެ ތިލައިގައި ގާތްގަނޑަކަށް 4 އިންޗި ހުރި ކަމާއި އެ ވަޅި އާދަމް ޙަލީމްގެ ގަޔަށް ފުންކޮށް ހެރުނު ގޮތެއް މުޙައްމަދު ސަމާޙުއަށް ބުނެ ނުދެވޭތީ، މި ކަންކަން ވަޒަންކުރުމުން ނިންމެން އޮތީ، އާދަމް ޙަލީމުއަށް މުޙަންމަދު ސަމާޙު ހަމާލާދީފައިވަނީ، މެރުމުގެ ގަސްތު އޮވެގެންކަމާއި، މިހެންވެ، ގަސްތު މަރުގެ ރުކުންތައް މި މައްސަލާގައި ފުރިހަމަވެފައިވާކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ. އަނިޔާ ލިބެމުން ދިޔަ ކަމަށް ބާރުދޭ ހެކި ހުށަހަޅަން ފުރުސަތު ނުދިންކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނާބުނުން

32އިސްތިއުނާފުކުރާ މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ސަމާޙުގެ މައްޗަށް ތުހުމަތުކުރެވެނީ ފުލުހަކު މެރިކަމުގެ ކުށުގެ މައްޗަށް ކަމަށާއި، މުޙައްމަދު ސަމާހު ހައްޔަރުކުރިތާ 4 ގަޑިއިރާއި 15 މިނިޓް ފަހުން 2012 ޖުލައި 23 ވަނަ ދުވަހުގެ 04:45 ގައި މުޙައްމަދު ސަމާޙުގެ ހަށިގަނޑު ފުލުހުން ބެލި އިރު، އޭނާގެ މޫނުމަތިން ހަން މަށައިގެން ގޮސްފައިވާ ކަމަށާއި، އަދި ވާތު ކުޑައިނގިއްޔަށް އަނިޔާ ވެފައިވާ ކަމަށާއި، އޭނާގެ ގައިގެ އެކިތަންތަނުގައި ޑަންލޮޕް ޒާތުގެ އެއްޗެއް ތަތްލާފައި ހުރި ކަމަށާއި، އޭނާ ލައިގެން ހުރި ސޯޓުބުރީގައި ލޭކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި ކަމަށެވެ.

33މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ސަމާޙު ހައްޔަރުކުރެވުނު އިރު އޭނާގެ ގައިގައި އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމަށް އޭނާގެ ދައްތަ ގުލްމާ އަބްދުލްޣަފޫރު ހެކިވާނެ ކަމަށާއި، ހެއްކެއްގެ ގޮތުގައި އޭނާގެ ނަން ހުށަހަޅަން ބޭނުންވާ ވާހަކަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާ ކަމަށާއި، ނަމަވެސް އެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

34މީގެ އިތުރުން މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ، ނިޒާމީ ގޮތެއްގައި ރޭވިގެން އޭނާއަށް ވަކީލެއްގެ ފުރުސަތު އަދި އާއިލާއާ މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެ މަގު ބަންދުކޮށްފައިވާ ކަމަށާއި، މުޙައްމަދު ސަމާޙު ބެހެއްޓީ އެހެން ގައިދީންނާ އެކަހެރިކޮށް ކަމަށާއި، އަދި އޭނާގެ އާއިލާ މީހުންގެ ފުރާނަ ދުއްވާލާނެ ކަމަށްބުނެ ތަފާތުއެކި ގޮތްގޮތުން ފުލުހުންގެ ފަރާތުން އިންޒާރުތައް ލިބެމުން ދިޔަ ކަމަށާއި، އެކަންކަމަށް ހެކިދޭނެ ފަރާތްތައް އެބަތިބިކަމާއި، އެ ހެކީން ހުށަހަޅަން ބޭނުންވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާ ކަމަށެވެ.

35އިތުރަށް މުހައްމަދު ސަމާޙުގެ ވަކީލު ބުނެފައިވަނީ ޖުލައި 24، 2012 ގެ ތާރީޚު ޖަހާފައިވާ މުޙައްމަދު ސަމާޙުގެ ބަޔާނުން އެނގޭ ގޮތުގައި އޭނާ އޮތީ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފައި ކަމަށާއި، އަދި ތަހުގީގުގައި ކުރާ ސުވާލުތަކަށް ޖަވާބުދޭން ބޭނުންވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވާ ކަމަށެވެ. އަދި ކޯޓަށް ހުށަހެޅުނު ބަޔާނުގައި ހަނު ހުންނަން ބޭނުންކަމަށާއި ވަކީލަކާ މަޝްވަރާކުރަން ބޭނުންކަމަށް ބުނެފައި އޮތް އިރު، އޭގެ ކުޑައިރުކޮޅެއްފަހުން "މައްސަލައާ މެދު އިތުރަށް ވިސްނާލުމަށް ފަހު" ވަކީލެއްގެ ހައްގު ދޫކޮށްލައި ކުށަށް އިއުތިރާފުވެފައިވާ ކަމަށެވެ. އެގޮތަށް އޭނާ ލައްވައި ގަދަކަމުން އިއުތިރާފު ބަޔާނެއް ދޭން މަޖުބޫރުކުރީ ދިވެހި ފުލުހުން ކަމަށާއި، އެކަންކުރީ އޭނާއާއި އޭނާގެ އާއިލާއަށް ގެއްލުން ދޭނެ ކަމަށް އިންޒާރުދީގެން ކަމަށެވެ.

36އިސްތިއުނާފުކުރާ މުހައްމަދު ސަމާޙުގެ ފަރާތުން އިތުރަށް ބުނެފައިވަނީ ހަމަހުރެ ބަހައްޓާފައި އަނިޔާކުރީކަމަށް މުޙައްމަދު ސަމާޙު ބުނީ ނޫންކަމަށާއި، އޭނާ ހައްޔަރުކުރި ދުވަހުގެ ކުށުގެ ވެށީގެ ފޮޓޯތަކުން އޭނާއަށް އަނިޔާ ލިބިފައިހުރި ކަމަށް ފެންނަން ހުރި ކަމަށާއި، ފުލުހުންގެ ބަންދުގައި މުޙައްމަދު ސަމާޙު ހުރިއިރު އޭނާއަށް ވަކީލެއްގެ ފުރުސަތު ލިބިފައިނުވާ ކަމަށާއި، އޭނާގެ މައްޗަށް ތަހުގީގުކުރެވުނީ އެންމެ ބޮޑު އެއްކުށުގެ ތުހުމަތު ކަމަށްވާއިރު، އެ މައްސަލަ ތަހްގީގުކޮށް ނިމި ދައުވާކުރަން ފޮނުވައި، ދައުވާކޮށް ޝަރިއަތުގެ ފުރަތަމަ އަޑުއެހުން ބޭއްވުނީ އޭނާ ހައްޔަރުކުރެވުނުތާ އެންމެ 8 ދުވަހުގެ ތެރޭގައި ކަމަށެވެ. އަދި އޭނާއަށް ލިބިފައިވާ އަނިޔާތައް ތަހްގީގުކުރަން މިނިވަން ބަޔަކު ނުފޮނުވާ ކަމަށެވެ. އަދި ހައިކޯޓުގައި މިކަންކަމަށް އެދުމުން އެކަން ހައިކޯޓުން ބަލާފައި ނުވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވެއެވެ. އެހެންވެ ގާނޫނުއަސާސީގެ 54 ވަނަ މާއްދާގެ ހިމާޔަތުން މުޙައްމަދު ސަމާޙު މަހުރޫމުވެފައިވާ ކަމަށް ބުނެފައިވެއެވެ.

37އިސްތިއުނާފުކުރާ ފަރާތުގެ މި ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުން ބުނެފައިވަނީ މުޙައްމަދު ސަމާޙުއަށް ލިބިގެންވާ ޙައްގުތައް އޭނާއަށް ބުނެދީ، އޭނާއަށް ލިބިގެންވާ ޙައްގުތައް ފޯރުކޮށްދީފައި ވާކަން ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމަށް ބެލުމުން ސާފުވާ ކަމަށެވެ. އަދި މުޙައްމަދު ސަމާޙު ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު، ވަކީލެއްގެ ހައްގާއި ހަނުހުރުމުގެ ހައްގު ބޭނުންވާކަމަށް ފުރަތަމަ ބުނިނަމަވެސް، ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން، ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށާއި، ހަނުހުރުމުގެ ބަދަލުގައި ކަން ހިނގާފައިވާ ގޮތް ކިޔާދޭން މުޙައްމަދު ސަމާޙު އަމިއްލައަށް ބޭނުންވެގެން ކިޔައިދީފައިވަނީކަން ސާފުވާއިރު، އެ ބަޔާނުގައި މުޙައްމަދު ސަމާޙު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ. މީގެއިތުރުން، މުޙައްމަދު ސަމާޙުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، 23 ޖުލައި 2012 ގައި ކްރިމިނަލް ކޯޓަށް ފުރަތަމަ ހާޒިރުކުރުމުންވެސް މިކަމަކީ މުޙައްމަދު ސަމާޙުގެ އަތުން ހިނގާފައިވާ ކަމެއްކަމަށް ބުނެ ކުށުގެ އަމަލަށް އިއުތިރާފުވެފައިވާކަން އެނގޭ ކަމަށާއި، އެއްވެސް މަޖުބޫރުކަމެއް އޮތްނަމަ، ގާޒީގެ ކުރިމަތީގައި ރައްކާތެރިކަން ލިބުނު ފުރަތަމަ މަހައްލުގައި މުޙައްމަދު ސަމާޙު އެކަން ފާހަގަކުރުމަކީ ސަބަބުވެރި ގޮތް ކަމަށާއި، ހަމައެހެންމެ، 31 ޖުލައި 2012 ގައި ދެވަނަ ފަހަރަށް ގާޒީއެއްގެ ކުރިމަތީގައި މީނާއަށް ރައްކާތެރިކަން ލިބުމުން، އަނެއްކާވެސް ކުށުގެ އަމަލަށް އިއުތިރާފުވެފައިވާ ކަމަށެވެ. އަދި އިތުރަށް ދައްކާނެ ވާހަކައެއް އޮތްތޯ ގާޒީ ސުވާލުކުރުމުން، ބުނެފައި އޮތީ "ދައްކާނެ ވާހަކައެއް ނެތް" ކަމަށެވެ. އަދި މުޙައްމަދު ސަމާޙު ހުރީ ހެޔޮ ހާލުގައިތޯ ގާޒީ ސުވާލުކުރުމުން ބުނެފައި އޮތީ "މިވާހަކަ އަޅުގަނޑު އިއްޒަތްތެރި ގާޒީއަށް ދެންނެވީ އަޅުގަނޑު ހެޔޮހާލުގައި ބުއްދި ސަލާމަތުން ހުރެ" ކަމަށެވެ. އަދި މުޙައްމަދު ސަމާޙުއަށް ފުލުހުން އަނިޔާކުރިކަމަށް މީނާ ބުނާއިރު، އެކަން ކަމާބެހޭ އެއްވެސް މުއައްސަސާއަކަށް ހުށަހަޅަން ބޭނުންނުވާ ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައިވާ ކަމަށާއި މިހުރިހައި ކަމަކަށް ބަލާއިރު، މަޖުބޫރުކޮށް އިއުތިރާފުކޮށްފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށެވެ. އަސްލަކީ އަނިޔާ ނުކުރާނެކަމަށް ބެލުން ކަމަށާއި، ކަމެއް ސާބިތުކުރުމުގެ ބުރަ މުޙައްމަދު ސަމާޙުއަށް އޮތް މި ހާލަތުގައި ހެކި ދައްކާފައި ނުވާ ކަމަށެވެ. ވީމާ، އަސްލު އެގޮތުގައި ދެމި އޮންނާނެ ކަމަށާއި، އިސްލާމީ ފިގުހީ ގާއިދާގައި އޮންނަ ފަދައިން، ޝައްކަކުން ޔަގީންކަމެއް ނުފިލާނެ ކަމަށެވެ. ވީމާ، އަނިޔާކުރިކަން ސާބިތުކުރުމަށް ކްރިމިނަލް ކޯޓަށް ހެކި ހުށަހަޅާފައި ނެތީސް، އެކޯޓަށް އެކަން އޮތީ އެހެންކަމަށް ނުނިންމޭނެ ކަމަށާއި އަދި އެނިންމުން ރަނގަޅުތޯ ބެލުމަށް ހައިކޯޓުން ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ ދަށުން ފުރިހަމަ މުރާޖައާއެއް ހަދާއިރުވެސް ބެލެވޭނީ، ހެކި ނުދެއްކުމުގެ ސަބަބުން އެކަން ސާބިތުނުވާކަމަށް ކުރިމިނަލް ކޯޓުން ނިންމި ނިންމުން ރަނގަޅުކަމަށެވެ. ފުލުހުން މުޙައްމަދު ސަމާޙުއަށް އަނިޔާކުރި ކަމަށް ދައްކާ ވާހަކައަށް ބާރުދިނުމުގެ ގޮތުން، މުޙައްމަދު ސަމާޙުގެ ގައިގެ އެކި ތަންތަނުގައި ޑަންލޮޕް ޒާތުގެ އެއްޗެއް ހޭކިފައި ހުރިކަން ސީން އޮފް ކްރައިމް އެގްޒަމިނޭޝަން ރިޕޯޓުން އެނގެން އޮތްކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނިބުނުމާ ބެހޭ ގޮތުން ޕްރޮސިކިއުޝަނުން ބުނެފައިވަނީ ހާދިސާ ހިނގި ދުވަހު ޑަންލޮޕް ތެރަސް ބޭނުންކޮށްގެން މަސްތުވިކަމަށް މުޙައްމަދު ސަމާޙު އަމިއްލައަށް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން، އޭނާގެ ހަށިގަނޑުގައި ޑަންލޮޕް ތެރަސް ހޭކުން ގާތީ، އޭނާ ބުނާގޮތަށް އޭނާ މަސްތުވުމުގެ ތެރޭގައިކަމަށް ބެލެވޭ ކަމަށާއި އަދި އޭނާ ލައިގެން ހުރި ސޯޓުގައި ލޭކަމަށް ޝައްކު ކުރެވޭ އެއްޗެއް ހޭކިފައިވާކަމަށް ބުނާއިރު، މި މައްސަލާގައި މީހެއްގެ ގަޔަށް މީނާ ވަޅި ހަރައި އޭނާގެ ގައިން ލޭ އޮހޮރިގެން ގޮސްފައިވާއިރު، މުޙައްމަދު ސަމާޙު ލައިގެން ހުރި ސޯޓުގައި ލޭ ހުރުމަކީ ވަރަށް ގާތްކަމެއް ކަމަށެވެ. މޫނުމަތިން ހަން މަށައިގެން ގޮސްފައި ހުރިކަމަށް އަދި އަތުގެ ކުޑަވާ އިނގިއްޔަށް އަނިޔާވެފައިވާކަމަށް މުޙައްމަދު ސަމާޙު ބުނާއިރު، މުޙައްމަދު ސަމާޙު ހުރީ މަސްތުގެ ހާލަތުގައިކަމަށް ވެފައި، އާދަމް ޙަލީމާ މުޙައްމަދު ސަމާޙުއާ ދެމެދު ކުރިމަތިލުމެއް ހިނގާފައިވާ ކަމަށާއި، ފުލުހުން މުޙައްމަދު ސަމާޙު ހައްޔަރުކުރުމަށް މަސައްކަތް ކުރިއިރުވެސް މުޙައްމަދު ސަމާޙު ގަދަހަދައި ބިންމައްޗަށް ވެއްޓިގަނެ، ނުދާން ގަދަހަދާފައިވާތީ ބާރުގެ ބޭނުންކޮށް ގަދަކަމުން މުޙައްމަދު ސަމާޙު ގެންގޮސްފައިވާކަމަށް ފުލުހުންގެ ބަޔާންތަކުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން، އެކަންކަމުގެ ތެރޭގައި މުޙައްމަދު ސަމާޙުއަށް އަނިޔާވުމަކީ އެކަށީގެންވާކަމެއް ކަމަށާއި، މުޙައްމަދު ސަމާޙުއަށް ލިބިފައިހުރިކަމަށް ބަޔާންކުރާ އަނިޔާތަކަކީ (މޫނުން ހަން މަށައިގެން ގޮސްފައިވުން، ވެލި ހުރުން، ވާތުގެ ކުޑަވާ އިނގިއްޔަށް އަނިޔާވެފައިވުން) ހައްޔަރަށް ނުދާން ގަދަހަދަމުން ގެންދިޔަ މީހަކު ހައްޔަރުކުރުމުގައި އެކަށީގެންވާ ބާރު ބޭނުންކުރުމުގެ ތެރޭގައި ވެދާނެފަދަ އަނިޔާތަކެއް ކަމަށެވެ. އެހެންކަމުން، މުޙައްމަދު ސަމާޙުއަށް އަނިޔާކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ފަދަ އެކަށީގެންވާ ސަބަބުތަކެއް ދެއްކިފައި ނެތް ކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ.

މަރުގެ ހުކުމް އަމިއްލަ ޒާތުގައި އިސްތިއުނާފުވުން

38HN1ގާނޫނުލްއުގޫބާތުގެ މ.1204 (ރ) ގައި ބުނެފައިވަނީ ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ޝަރިއަތްކުރާ ކޯޓުން ހުކުމް ކޮށްފިނަމަ، އެ ޙުކުމުގެ ހުރިހައި ގާނޫނީ ނުކުތާތަކާއި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ދިވެހިރާއްޖޭގެ މަތީ މަރުހަލާގެ ކޯޓުތަކުން އަލުން ބަލަންވާނެ ކަމަށެވެ. މި މާއްދާގެ އަރިމަތީ ސުރުޚީއިންނާއި ގާނޫނުލްއުގޫބާތުގެ ރަސްމީ ކޮމެންޓަރީއިން އެނގެނީ، ކުށުގެ އަދަބެއްގެ ގޮތުން ކުށްވެރިޔާ މެރުމަށް ޝަރިއަތްކުރާ ކޯޓުން ހުކުމް ކޮށްފިނަމަ، އެފަދަ މައްސަލަތައް އޮޓަމެޓިކުން އިސްތިއުނާފުގެ މަރުހަލާއަށް ދާނެކަމެވެ. ނަމަވެސް، ދަށު ކޯޓުން ނިންމާ މައްސަލައެއް އޮޓަމެޓިކުން އިސްތިއުނާފުގެ މަރުހަލާއަށް ދާނެ ގޮތެއް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި، ނުވަތަ އެނޫންވެސް އިޖުރާއީ ގާނޫނެއްގައި ބަޔާންކޮށްފައި ނެތެވެ. ނަތީޖާއެއްގެ ގޮތުން އެ ފަދަ މައްސަލަތައް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދެއް ސުޕްރީމް ކޯޓުގެ ނަންބަރު 2015/14/SC (ދަށު ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިސްތިއުނާފުކުރުމާ ގުޅޭ) ސަރކިއުލަރ އިން ދިނެވެ. މި ސަރކިއުލަރ ބުނާގޮތުން މަރުގެ އުގޫބާތް ކަނޑައަޅާފައިވާ މައްސަލައެއްގައި ހުކުމްކުރާ ތާރީޚުން ފެށިގެން 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް އިސްތިއުނާފުކުރަން އެދޭކަން އެ މައްސަލައެއް އިސްތިއުނާފުކުރުމުގެ ހައްގުލިބިގެންވާ ފަރާތަކުން ހުކުމްކުރި ކޯޓަށް އެންގުމުގެ ހައްގު ލިބިގެންވެއެވެ. މިގޮތުން ކަނޑައެޅިފައިވާ 10 ދުވަހުގެ ތެރޭގައި އެމައްސަލައެއް އިސްތިއުނާފުކުރަން އެދޭކަން އެއްވެސް ފަރާތަކުން އެ ކޯޓަށް ހުށަހަޅާފައި ނެތްނަމަ އެ މައްސަލައިގެ ފައިލު، އޭގައިވާ ލިޔުންތަކާއެކު 7 ދުވަހުގެ ތެރޭގައި ހައިކޯޓަށް ފޮނުވަންޖެހޭނެ ކަމަށް އެ ސަރކިއުލަރގައި ބުނެފައި ވެއެވެ. އަދި ފައިލް ލިބޭތާ 7 ދުވަހުގެ ތެރޭގައި ޕްރޮސިކިއުޓަރ ޖެނެރަލްއަށާއި، ދަށުކޯޓުގައި ދައުވާލިބުނު ފަރާތަށް ހައިކޯޓުން އެންގުމާއެކު އެ މައްސަލަ ބަލައި ނިންމުމަށްޓަކައި އިޖުރާއީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ހައިކޯޓުން އަޅަންޖެހޭނެ ކަމަށް އެ ސަރކިއުލަރގައި ބުނެފައިވެއެވެ. މި ފަދަ މައްސަލަތައް ހައިކޯޓުން ބަލަންޖެހޭނެ ތަރަހަ އޮތީ ގާނޫނުލްއުގޫބާތުގެ މ.1204 (ރ) ގައި ބަޔާންކޮށްފައެވެ. އެގޮތުން މަރުގެ އުގޫބާތް ކަނޑައަޅާފައިވާ މައްސަލަ އިސްތިއުނާފީ ކޮންމެ ކޯޓަކުން ބެލުމުގައި މައްސަލައިގެ އެންމެހައި ވާގިއާތަކާއި ގާނޫނީ ނުކުތާތައް އަލުން ބަލަންޖެހޭނެކަމަށް އެ މާއްދާގައި ބުނެފައި ވެއެވެ. މި ސަރކިއުލާރގައި މިހެން ކަނޑައެޅިފައި އޮތް ނަމަވެސް، މި ފަދަ މައްސަލަތައް އެއްވެސް ފަރާތަކުން އިސްތިއުނާފުކުރަން އެދިފައިނުވާ ހާލަތުގައި ދަށުކޯޓުން އެ މައްސަލަތައް ސަރކިއުލަރގައިވާ ގޮތަށް 7 ދުވަހުގެ ތެރޭގައި ހައިކޯޓަށް ފޮނުވަމުން ނުގެންދާތީވެ، ގާނޫނުލްއުގޫބާތުގެ މ.1204 (ރ) ގައި ބަޔާންކޮށްފައިވާ ބާވަތުގެ މަރުގެ މައްސަލަތަކުގައި އިއްވާފައިވާ މަރުގެ އަދަބު ކަށަވަރުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިސްނެގުމުގެ މަތިން "ހުކުމުގެ ސައްހަކަން ކަށަވަރުކުރުމަށް އެދި ހުށަހަޅާ ފޯމު"ން އެފަދަ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަން ފަށާފައި ވެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލް ހުށަހަޅާ ހުށަހެޅުމާ ގުޅިގެން މަރުގެ ހުކުމް ކަށަވަރުކުރުމުގެ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ހިންގުމުގެ އިޖުރާއަތެއް މި ގޮތަށް ފެށިގެން ގޮސް އެ އިޖުރާއަތު ސުޕްރީމް ކޯޓާހަމައަށް ދެމިގެން އައިސްފައި ވެއެވެ. މިގޮތަށް މިކަން ހަމަޖެހިފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ނަންބަރު 2015/14/SC (ދަށު ކޯޓުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރަންޖެހޭ ޖިނާއީ މައްސަލަތައް އިސްތިއުނާފުކުރުމާ ގުޅޭ) ސަރކިއުލަރ 13 ޑިސެމްބަރު 2020 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބާތިލުކޮށްފައި ވެއެވެ. އެހެންކަމުން މި އިސްތިއުނާފުކުރެވޭ މައްސަލަ ކްރިމިނަލް ކޯޓުން ނިމުމުން މަރުގެ އަދަބު ކަށަވަރުކުރުމަށް ހައިކޯޓަށް އައިސްފައިވަނީ އިޖުރާއަތާ ޚިލާފަށް ކަމަށް ބުނެވެންނެތެވެ. ނަމަވެސް މި އިޖުރާއަތު މިހާރު މި އޮތްގޮތަށް އޮތުމުގެ ބަދަލުގައި، ދަށު ކޯޓުން މައްސަލަ ނިމުމުން، އަމިއްލަ ޒާތުގައި މަތީ މަރުހަލާއަށް ދާނެ ކަމަށް ގާނޫނުލްއުގޫބާތުގައި ބުނާ މައްސަލަތަކުގައި ކޯޓުތަކުން އަމަލުކުރަންޖެހޭ ގޮތުގެ އިޖުރާއަތު ޖިނާއީ އިޖުރާއަތުގެ ގަވާއިދުގައި ސާފުކޮށް ބަޔާކޮށްފައި އޮތުން މުހިންމުކަމަށް ދެކެމެވެ.

39އިސްތިއުނާފުކުރެވޭ މައްސަލަ ހައިކޯޓުން ބަލާފައިވާ ތަރަހަ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި ފޯމުގައިވާ ނުކުތާތަކުގެ މައްޗަށް ހަނިވެފައިވާ ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައި ވެއެވެ. އަދި އެގޮތުން މި މައްސަލަ ހައިކޯޓުގައި ހިންގަނީ އިސްތިއުނާފުގެ މައްސަލަތަކާ ތަފާތުގޮތަކަށް ކަމަށް މައްސަލައިގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކުރި ނުކުތާއަށް ބަލާއިރު، ހައިކޯޓުގެ ފަނޑިޔާރުން އެ ނުކުތާއަށް އިޝާރާތްކޮށްފައިވަނީ މުޙައްމަދު ސަމާޙުގެ ފަރާތުން ފާހަގަކުރަން ބޭނުންވި ނުކުތާއެއް ފާހަގަކުރަން ފުރުސަތު ނުދިނުމުގެ ގޮތުން ނޫންކަން ހައިކޯޓުގެ މަހުލަރު ބަޔާންތަކުން ސާފުކޮށް އެނގެއެވެ. 16 ފެބްރުއަރީ 2020 ގައި މުޙައްމަދު ސަމާޙުގެ ވަކީލު އަޙްމަދު ޝާފިޢު ދިން ބަޔާނުގައި ދެން އިތުރަށް އެފަރާތުން ހައިކޯޓުގައި ފާހަގަކުރަންބޭނުންވާ އިތުރު ކަމެއް ނެތް ކަމަށް ތަކުރާރުކޮށް ބުނެފައި ވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، ގާނޫނުލްއުގޫބާތުގެ 1204.މ (ރ) ގައި ބަޔާންކޮށްފައިވާ ގޮތަށް ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަޖިލީހަށް ހުށަހެޅިފައިވާ މައްސަލައިގެ އެންމެހައި ވާގިއާތަކާއި ގާނޫނީ ނުކުތާތައް ހައިކޯޓުން އަލުން މުރާޖައާކޮށްފައިވާކަން ހައިކޯޓުގެ ޝަރިއަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން މަރުގެ ހުކުމް ކަށަވަރުކުރުމަށް ހައިކޯޓަށް ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު އެ ފޯމުގައިވާ ކަންކަން އިބާރާތްކޮށްފައިވަނީ ވަރަށް އާއްމު ގޮތަކަށް އަދި ގާނޫނުލްއުގޫބާތުގެ 1204.މ (ރ) ގައި ބަޔާންކޮށްފައިވާ ހުރިހާ ކަމެއް ޝާމިލުވާ ގޮތަށް ކަމަށްވުމާއެކު ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހެޅި ހުށަހެޅުމުގެ ސަބަބުން ގާނޫނުލްއުގޫބާތުގެ 1204.މ (ރ) ގައި ބަޔާންކޮށްފައިވާ ތަރަހަ ހަނިވެފައި ނުވެއެވެ. މިގޮތުން ހުށަހެޅުނު ކަންކަމުގެ އަލީގައި ހައިކޯޓުގައި ބަހުސްކުރެވުނު ކަންކަމާއި ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކޮށް ނިންމި ކަންކަމާ ގުޅޭގޮތުން ކޯޓުގައި ދެފަރާތުން ދެއްކި ވާހަކަތަކުގެ އަލީގައި މުޅި މައްސަލައިގެ އެންމެހާ ވާގިއާތަކާއި ގާނޫނީ ނުކުތާތައް ސުޕްރީމް ކޯޓުން އަލުން މުރާޖައާކޮށްފައިވާތީވެ، އެ ނުކުތާތަކާބެހޭ ގޮތުން އަހުރެންނަށް ފެންނަ ގޮތް ތިރީގައި ވަކިވަކީން ބަޔާންކޮށްފައި މިވަނީއެވެ.

އިއުތިރާފް

40މި އިސްތިއުނާފުގެ މައްސަލައިގައި މުޙައްމަދު ސަމާޙުގެ ފަރާތުން ތައުނުކުރާ އިއުތިރާފާބެހޭ ގޮތުން އޭނާގެ ގާނޫނީ ވަކީލު މައިގަނޑު ގޮތެއްގައި ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވަނީ 4 ކަމެކެވެ. އެއީ:

(ހ) މުޙައްމަދު ސަމާޙުގެ ދުސްތޫރީ ހައްގުތައް ކަށަވަރު ނުވާނެ ގޮތަކަށް އިއުތިރާފު ބަޔާން ނަގާފައިވާ ކަމަށް ބުނާ ބުނުން.

(ށ) އިއުތިރާފު ބަޔާންދިނީ ފުލުހުން އަނިޔާކޮށް ބިރުދެއްކުމުން ކަމަށް ބުނާ ބުނުން.

(ނ) ގަސްތު މަރުގެ ކުށް ސާބިތުކުރުމަށް ތައުނުކުރެވޭ އިއުތިރާފު ބަޔާން ނުފުދޭ ކަމަށް ބުނާބުނުން.

(ރ) ތައުނުކުރެވޭ އިއުތިރާފު ބަޔާނުން ރުޖޫއަވެފައިވާ ކަމަށް ބުނާ ބުނުން.

އިއުތިރާފުގެ މާނަ އާއި ސައްހަވުމުގެ ޝަރުތުތައް

41އިއުތިރާފުގެ މާނަ އަކީ މުއްތަހަމުގެ މައްޗަށް ކުރެވިފައިވާ ޖިނާއީ ކުށުގެ ދައުވާގައި ހިމެނޭ ވާގިއާ އަކީ ނުވަތަ އޭގެ މުހިންމު ބަޔަކީ ތެދުހަގީގަތް ކަމަށް މުއްތަހަމު ބުނާ ބަހަކުން ނުވަތަ އަމަލަކުން ނުވަތަ ކުރާ އިޝާރާތަކުން ގަބޫލުކުރުމެވެ. މި މައްސަލައިގައި މުޙައްމަދު ސަމާޙުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާގައި ހިމެނޭ މައިގަނޑު ވާގިއާ އަކީ މުޙައްމަދު ސަމާޙު ގަސްތުގައި އާދަމް ޙަލީމް މަރާލުމެވެ. ދަށު ކޯޓުންނާއި ހައިކޯޓުންނާއި މި ކޯޓުން ކުރަން ބޭނުންވާ ކަމަކީ މި ވާގިއާ އަކީ ތެދެއްތޯ ނުވަތަ ނޫންތޯ ކަށަވަރުކުރުމެވެ. ވާގިއާއެއްގެ ތެދުހަގީގަތް ކަށަވަރުކުރުމަށް ގިނަގުނަ ވަސީލަތްތަކެއް ހުރެއެވެ. އޭގެ ތެރެއިން މުހިއްމު އެއް ވަސީލަތަކީ މުއްތަހަމުގެ އިއުތިރާފެވެ. ޕްރޮސިކިއުޝަނުގެ ފަރާތުން މުޙައްމަދު ސަމާޙުގެ މައްޗަށް މި މައްސަލައިގައި ކުރާ ދައުވާ ސާބިތުކޮށް ދިނުމަށް އެފަރާތުން ބޭނުންކުރާ ވަސީލަތަކީ މުޙައްމަދު ސަމާޙު ޝަރިއަތުގެ މަޖިލީހުގައި ވެފައިވާކަމަށް ބުނާ އިއުތިރާފެވެ. ޕްރޮސިކިއުޝަނުން މިބުނާ އިއުތިރާފުގެ ބަޔާނުގެ ސައްހަކަމާމެދުގައި މުޙައްމަދު ސަމާޙު އިންކާރުކޮށް އެ އިއުތިރާފު ތައުނުކުރެއެވެ. އަދި އެއީ ސައްހަ ބަޔާނެއްކަމަށް ބެލި ނަމަވެސް، އެކިއެކި ސަބަބުތަކާހުރެ، ގަސްތު މަރުގެ ކުށުގެ އުގޫބާތެއްގެ ގޮތުގައި މަރަށް މަރު ހިފުމަށް، އެ ބުނާ އިއުތިރާފު ނުފުދޭ ކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ޝަރިއަތުގެ އެކި މަރުހަލާތަކުގައި ވަކާލާތުކޮށްފައި ވެއެވެ. މި އިސްތިއުނާފީ ދައުވާގެ މައި ތަރަހައަކީ އެބުނާ އިއުތިރާފު ބަޔާނުގެ ސައްހަކަމާމެދު އެކިގޮތްގޮތުން ދައުވާލިބޭ ފަރާތުން ކުރިމަތިކުރާ ސުވާލުތަކެވެ. މުޙައްމަދު ސަމާޙުގެ އިސްތިއުނާފީ ތީރުތަކުގެ މައި އަމާޒަކީ އެބުނާ އިއުތިރާފު ބަޔާނުގެ ސައްހަކަން ފޫވައްޓާލުމެވެ.

42HN2ޖިނާއީ މައްސަލައެއްގެ ޝަރީއަތުގެ މަޖިލީހުގައި، އެ މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތް ނުވަތަ ދައުވާލިބޭ ފަރާތް، ފަނޑިޔާރެއްގެ ކުރިމަތީގައިވާ އިއުތިރާފަކީ ގާނޫނުގައި އެހެންގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، ހަމައެކަނި އެ އިއުތިރާފުގެ މައްޗަށް ބިނާކޮށް، އެ އިއުތިރާފުވި މީހާގެ މައްޗަށް ކުށް ސާބިތުކުރުމަށް ފުދޭނެ ކާފީ ހެއްކެކެވެ. އެއީ މީހެއްގެ މައްޗަށް މަރުގެ ހުކުމް އަތުވެދާނެ މައްސަލައެއްގައި މުއްތަހަމު ވެފައިވާ އިއުތިރާފަކީ ޝަރިއަތުގެ މަޖިލީހުގައި އަދި ގާނޫނީ ވަކީލެއްގެ ހާޒިރުގައި ނޫންގޮތަކަށް ވެފައިވާ އިއުތިރާފެއް ނަމަ އެފަދަ އިއުތިރާފުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ޝަރިއަތުން ހުކުމް ކުރެވޭނީ އެ އިއުތިރާފުގައި އެއްބަސްވެފައިވާ ކަންކަން ކަށަވަރުކުރެވޭ އެހެނިހެން ހެކި ނުވަތަ ގަރީނާ ހުރެއްޖެނަމަ އެވެ.

43މި މައްސަލައިގައި މުޙައްމަދު ސަމާޙުވެފައިވާ ކަމަށް ބުނާ އިއުތިރާފުގެ ސައްހަ ކަމާމެދު ކުރެވުނު ބަހުސް ތަކުގައި ހިމެނުނު ކަންކަމުގެ މައްޗަށް ތިރީގައި ބަލާފައި މިވަނީއެވެ.

އަމިއްލަ ރުހުމުގައި ދީފައިވާ އިއުތިރާފު ބަޔާނެއްތޯ

44HN3އިއުތިރާފު ސައްހަވުމުގެ އަސާސީ ޝަރުތަކީ އެ އިއުތިރާފަކީ އިތުބާރުހިފޭ އިއުތިރާފެއް ކަމަށް ވުމެވެ. އިއުތިރާފަކީ އިތުބާރުހިފޭ އިއުތިރާފެއްތޯ ނުވަތަ ނޫންތޯ ބެލުމަށް ބޭނުންކުރާ މައިގަނޑު ހަމަ އަކީ އެ އިއުތިރާފަކީ މުއްތަހަމު އަމިއްލައަށް، ހިތުންރުހުމުން ވާ އިއުތިރާފެއް ކަމަށް ވުމެވެ. މިސާލަކަށް، މަޖުބޫރުވެގެން ނުވަތަ މަޖުބޫރުކޮށްގެން ވާ އިއުތިރާފަކީ ތިމާ އަމިއްލައަށް ހިތުންރުހުމުން ވެފައިވާ އިއުތިރާފެއް ނޫނެވެ. ވީމާ، އެފަދަ މަޖުބޫރީ އިއުތިރާފަކީ ކުށް ސާބިތުކުރުމަށް ފުދޭނެ އިއުތިރާފެއް ނޫނެވެ. މުއްތަހަމު ވެފައިވާ އިއުތިރާފަކީ މަޖުބޫރު އިއުތިރާފެއްތޯ ނުވަތަ ނޫންތޯ ބެލިދާނެ އެއް ގޮތަކީ، މުއްތަހަމުގެ ހިތުންރުހުމުން ނޫންގޮތަކަށް އޭނާގެ ކިބައިން އިއުތިރާފެއް ނެރުމަށް ފުދޭ މިންވަރުގެ ބާރެއް އެއްވެސް ފަރާތަކުން އަޅާފައިވޭތޯ ބެލުމެވެ. މުއްތަހަމުގެ ކިބައިން އިއުތިރާފެއް ނެރުމަށް ފުދޭ މިންވަރުގެ ބާރެއް ކުރިމަތިކުރި ކަމުގައި ބެލެވޭ ކަންކަމުގެ ތެރޭގައި ގަދަކަމުން އެއްބަސްކުރުވުމާއި، ބިރުދެއްކުމާއި، އިއުތިރާފުގެ މުގާބިލުގައި ކަމެއް ފަހިކޮށްދިނުމަށް ވައުދެއް ވުމާއި، ނަފްސާނީ ގޮތުން ކުރިމަތިކުރުވާ މަޖުބޫރީ ހާލަތުތަކެވެ.

45މަޖުބޫރު ކުރެވިފައިވާ މީހާއާއި މަސްތުގެ ހާލަތުގައި ހުންނަ މީހާ އާއި ބުއްދި ހަމަނުޖެހޭ މީހާގެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ނޫނެވެ. ސަބަބަކީ މިފަދަ ކަންކަމުން މީހާގެ އަމިއްލަ އިޚުތިޔާރު ގެއްލިފައި ވުމެވެ. ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ ހަދީސްކުރައްވާފައިވަނީ، "ތިމަންކަލޭގެފާނުގެ އުއްމަތުގެ މީހުންގެ ތެރެއިން، ހަނދާންނެތިގެން ކަންކުރެވޭ މީހުންނާއި، އޮޅުމަކުން ކަންކުރެވޭ މީހުންނާއި، މަޖުބޫރުން ކަންކުރެވޭ މީހުން ޒިއްމާއިން ބަރީއަވެގެންވެއެވެ." އެހެންކަމުން ބިރުދައްކައިގެން ނުވަތަ މަޖުބޫރުކޮށްގެން ނުވަތަ މަޖުބޫރުވެގެން ވެފައިވާ އިއުތިރާފާއި، އެއްވެސް ލުޔެއް ނުވަތަ ވައުދެއްގެ މުގާބިލުގައި ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ނޫނެވެ.

46އިއުތިރާފު ބަޔާންދީފައިވަނީ އަމިއްލަ ރުހުމުގައިތޯ ނުވަތަ ނޫންތޯ ބެލުމަށް ތަފާތު ކަންކަމަށް ބެލިދާނެއެވެ. އެއް ގޮތަކީ ފުލުހުން މުއްތަހަމުއާ ސުވާލުކޮށްފައިވާ ގޮތާއި ވަގުތާއި ޒާތާއި ތޮބީއަތަށް ބެލުމެވެ. ނުވަތަ ތަހުގީގުކުރުމަށް ބޭނުންކުރި އުކުޅުތަކަށް ބެލުމެވެ. ނުވަތަ ފުލުހުންގެ ތަހުގީގުގެ ވަށައިގެން ހިނގައިދިޔަ ކަންކަމަށް ބެލުމެވެ. މިގޮތުން ފުލުހުންގެ ތަހުގީގު ރެކޯޑުތަކަށް ބަލާއިރު، އެކަށީގެންނުވާ ވަގުތުތަކުގައި ސުވާލުކުރުމާއި މެދު ކަނޑާނުލައި އެކަށީގެންނުވާ އަދަދުގެ ގިނަ ގަޑިތަކަކަށް ނުވަތަ މުއްތަހަމުގެ ސިއްހީ ހާލަތާ ނުބައްދަލު ގަޑިތަކަކަށް ދެމިގެންދާ ގޮތަށް ސުވާލުކުރުމާއި، ސުވާލުކުރާ ތަން ހުރި ގޮތާއި، ސުވާލުކުރުމަށް ގެންދިޔަ ތަންތަނާއި، ބަޔާން ނެގީ މުއްތަހަމު ނިދިން މަހުރޫމުކޮށްފައި ބަހައްޓައިގެންތޯ ބެލިދާނެއެވެ. އަދި މުއްތަހަމުގެ ނަފްސާނީ ނުވަތަ އެ ނޫންވެސް ނާޒުކު ހާލަތްތައް ފުލުހުން ނާޖާއިޒުގޮތުގައި ބޭނުންކޮށްފައިވޭތޯ ފަނޑިޔާރަށް ބެލިދާނެއެވެ. ހަނު ހުރުމަށް ބޭނުންކަމަށާއި ވަކީލަކާ މަޝްވަރާކުރަން ބޭނުންކަމަށް ބުނުމަށްފަހު، އެ ހައްގުތައް ކުއްލިއަކަށް ދޫކޮށްލާފައިވާ ނަމަ، އެ ހައްގުތައް ދޫކޮށްލުމަށްޓަކައި އޭނާ ފިކުރުކޮށް ވިސްނަން ނުވަތަ ވަކީލަކާ މަޝްވަރާކުރަން އެކަށީގެންވާ ވަގުތާއި މުއްދަތު ދީފައިވޭތޯ ބެލުމަކީވެސް ފަނޑިޔާރަށް ކުރެވިދާނެ ކަމެކެވެ.

47އިއުތިރާފު ބަޔާނުގައި ދައްކާފައިވާ ވާހަކަތަކަކީ ބުއްދީގެ ހަމަތަކަށް ފެތޭ ވާހަކަތަކެއްތޯވެސް ފަނޑިޔާރު ބަލަންވާނެއެވެ. އިއުތިރާފު ބަޔާން އޮތީ އާއްމުކޮށް ތޮބީއީ ގޮތުން ކަންކަން ހިނގާ އާދައާއި އުސޫލާ ތަފާތުގޮތަކަށްތޯ އާއި ބަޔާން ނަގާފައިވަނީ ތޮބީއީ މާހައުލެއްގައި ކަމަށް ނުވާނަމަ އަދި ސުވާލުކުރާކަން ދުރާލާ އަންގާފައި ނުވާނަމަ، އަދި ބަޔާނުގައި ބުނެފައިވާ ކަންކަމަކީ ހިނގާފައިވާ ކަމަކަށް ނުވެދާނެ ކަމުގެ އިހުތިމާލު އޮތް ނަމަ، ނުވަތަ އެކަމާމެދު ސުވާލު އުފެދޭނެ ސަބަބުތަކެއް ހުރި ނަމަ، ނުވަތަ އިއުތިރާފުވެފައިވަނީ ތޮބީއީ ގޮތަކަށް ނޫންކަމަށް ވާނަމަ ނުވަތަ މުއްތަހަމުގެ އަމަލުތައް އާދަޔާ ޚިލާފު ގޮތަކަށް ހުރިކަމަށް ފެންނަ ހާލަތުގައި އެހެނިހެން ހެކިތަކުން އެ އިއުތިރާފު ބަޔާނަށް ބާރު ނުލިބޭ ނަމަ އެ ބަޔާނުގެ މައްޗަށް މައްސަލަ ސާބިތުވާ ކަމަށް ނިންމުން ހެޔޮނުވާ ހުއްޓެވެ. އަދި އިއުތިރާފު ބަޔާނުގައިވާ ކަންކަމާއި ފުށުއަރާ ގޮތަށް ކުށްކުރި ހަތިޔާރާއި، ކުށްކޮށްގެން ހޯދި ތަކެތި، ފެނުން ފަދަ ކަމެއް ފާހަގަވެއްޖެ ނަމަ އެއީވެސް އިއުތިރާފު ބަޔާން ބަލިކަށިކޮށްލާނެ ސަބަބެކެވެ. އަދި އިއުތިރާފު ބަޔާނުގައިވާ ކަންކަން ކުށްކުރި މޯޓިވްއާ ތައާރަޒުވުމަކީ ވެސް އިއުތިރާފު ބަޔާން އައިބުކޮށްލާނެ ކަމެކެވެ. އިއުތިރާފާއި ހެކިންގެ ހެކި ބަހާ ފުށުއެރުމަކީ ވެސް އިއުތިރާފު ބަޔާން ފޫވެއްޓޭނެ ސަބަބެކެވެ. އިއުތިރާފު ބަޔާނުގައި ކުށްކުރި ތަން ސިފަކޮށްދީފައި އޮތް ގޮތާއި ތަނުގެ ޗާޓާއި ނުވަތަ ތަންހުރި ގޮތާއި ޚިލާފުވާނަމަ، އެއީ ވެސް އިއުތިރާފު ބަޔާނުގެ ސައްހަކަން ގެއްލޭނެ ސަބަބެކެވެ.

48އިސްތިއުނާފުކުރާ މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ސަމާޙުގެ މައްޗަށް ތުހުމަތުކުރެވެނީ ފުލުހުންގެ މީހަކު މެރިކަމުގެ ކުށުގެ މައްޗަށް ކަމަށްވުމުން، އެކަމުގެ ބަދަލު ހިފުމުގެ ރޫހުގައި އޭނާއަށް ފުލުހުން އަނިޔާކޮށްފައިވާ ކަމަށާއި، އޭނާ ކުށަށް އިއުތިރާފުވެފައިވަނީ ފުލުހުންގެ ފަރާތުން ބިރުދައްކައި އިންޒާރު ދިނުމުގެ ނަތީޖާއެއްގެ ގޮތުން ކަމަށެވެ. ދަށު ކޯޓާއި ހައިކޯޓުގެ ހުކުމްތަކުގައި ބުނެފައިވަނީ އަނިޔާކުރިކަން މުޙައްމަދު ސަމާޙުއަށް ސާބިތުކޮށްދެވިފައި ނުވާކަމަށާއި އަދި އަނިޔާކުރިކަމަށް ބުނެ އެކަމުގެ ޝަކުވާއެއް ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ތަނަކަށް ހުށަހަޅާފައި ނެތް ކަމަށެވެ.

49HN4ސީރިއަސް ބޮޑެތި ކުށްތައް ތަހުގީގުކުރުމަށް ފުލުހުންގެ އަތްމަތީގައި އެކަށީގެންވާ ބާރުތަކާއި ވަސީލަތްތައް ހުރުން ލާޒިމުވުމާއި، ގާނޫނުއަސާސީއިން މުއްތަހަމަށް ފޯރުކޮށްދިނުން ލާޒިމުކުރާ ދުސްތޫރީ ހައްގުތައެއް ތިލަފަތުގެ ދެފަރާތަށް ލައި ވަޒަން ހަމަކުރުމަށް ފަނޑިޔާރުން އަބަދުވެސް މަސައްކަތް ކުރަންވާނެއެވެ. މިގޮތުން މީޒާން ހަމަ ކުރުމުގައި، ފަނޑިޔާރުގެ ކުރިމަތީގައި އޮތް އިއުތިރާފު ބަޔާނަކީ ބަލައިގަނެވިދާނެ ހެއްކެއްތޯ ފުންކޮށް ވިސްނަންވާނެއެވެ. އިއުތިރާފު ބަޔާން ހޯދުމަށް ފުލުހުން ބޭނުންކޮށްފައިވާ އުކުޅުތަކުގެ ތެރެއިން މަޖުބޫރީ ހާލަތެއް އޮތުމުގެ އިހުތިމާލު އޮތްނަމަ، އެ އިއުތިރާފު ބަޔާނަކީ ގަބޫލުނުކުރެވޭ އިއުތިރާފެއް ކަމަށް އިފްތިރާޒު ކުރަންވާނެއެވެ. އެހެން ނަމަވެސް ބޮޑަށް ބުރަވެވޭ މިންގަނޑުން ބަލާއިރު، ފުލުހުންގެ އެފަދަ އަމަލުތަކުން އުފެދޭ ތައައްސުބަށްވުރެ ބޮޑަށް އެ އިއުތިރާފު ބަޔާނުން މުއްތަހަމު ކުށްކުރިކަން ސާބިތުވާކަމަށް ލިބިދޭ ބުރަދަން އިތުރުކަމަށް ގަބޫލުކުރެވޭ ނަމަ އެ އިފްތިރާޒުން އެއްކިބާވެވިދާނެއެވެ.

50HN7މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ އޭނާ ހައްޔަރުކުރިތާ 4 ގަޑިއިރާއި 15 މިނިޓްފަހުން 2012 ޖުލައި 23 ވަނަ ދުވަހުގެ 04:45 ގައި މުޙައްމަދު ސަމާޙު އެގްޒެމިންކުރި އިރު، އޭނާގެ މޫނުމަތިން ހަން މަށައިގެން ގޮސްފައިވާ ކަމަށާއި، އަދި ވާތު ކުޑައިނގިއްޔަށް އަނިޔާ ވެފައިވާ ކަމަށާއި، އޭނާގެ ގައިގެ އެކިތަންތަނުގައި ޑަންލޮޕް ޒާތުގެ އެއްޗެއް ތަތްލާފައި ހުރި ކަމަށާއި، އޭނާ ލައިގެން ހުރި ސޯޓުބުރީގައި ލޭކަމަށް ޝައްކުކުރެވޭ އެއްޗެއް ހޭކިފައި ހުރި ކަމަށެވެ. މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ސަމާޙު ހައްޔަރުކުރެވުނު އިރު އޭނާގެ ގައިގައި އެއްވެސް ޒަޚަމެއް ފެންނަން ނެތް ކަމަށް އޭނާގެ ދައްތަ ގުލްމާ އަބްދުލްޣަފޫރު ހެކިވާނެ ކަމަށާއި، ހެއްކެއްގެ ގޮތުގައި އޭނާގެ ނަން ހުށަހަޅަން ބޭނުންވާ ވާހަކަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބުނެފައިވާ ކަމަށާއި، ނަމަވެސް އެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ. މީގެ އިތުރުން މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ، ނިޒާމީ ގޮތެއްގައި ރޭވިގެން މުޙައްމަދު ސަމާޙުއަށް ވަކީލެއްގެ ފުރުސަތު ނުވަތަ އާއިލާއާ މަޝްވަރާކުރުމުގެ ފުރުސަތު ލިބޭނެ މަގު ބަންދުކޮށްފައިވާ ކަމަށާއި، އޭނާ ބެހެއްޓީ އެހެން ގައިދީންނާ އެކަހެރިކޮށް ކަމަށާއި، އަދި އޭނާގެ އާއިލާގެ މީހުންގެ ފުރާނަ ދުއްވާލާނެ ކަމަށްބުނެ ތަފާތުއެކި ގޮތްގޮތުން ފުލުހުންގެ ފަރާތުން އިންޒާރުތައް ލިބެމުން ދިޔަ ކަމަށާއި، އެ ކަންކަމަށް ހެކިދޭނެ ފަރާތްތައް އެބަތިބި ކަމަށާއި، އެ ހެކީން ހުށަހަޅަން ބޭނުންވާ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި އޭނާ ބުނެފައިވާ ކަމަށެވެ. މުޙައްމަދު ސަމާޙުއަށް އަނިޔާކުރިކަން އެނގޭނޭ ހެކިން އެބަތިބި ކަމަށާއި، އެ ހެކިން ޝަރިއަތަށް ހާޒިރުކުރަން އެދޭކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ހައިކޯޓުގެ ޝަރިއަތުގައި ބުނެފައި އޮތުމުން، އެ ހެކީން ކޯޓަށް ހާޒިރުކޮށްފައި ނެތުމަކީ ހައިކޯޓުގައި ބެލެވުނު މައްސަލައިގައި އިޖުރާއީ ގޮތުން ހިނގާފައިވާ އުނިކަމެއް ކަމަށް ބަލަންޖެހެއެވެ.

51މުޙައްމަދު ސަމާޙުގެ ގައިގެ އެކި ތަންތަނުގައި ޑަންލޮޕް ޒާތުގެ އެއްޗެއް ހޭކިފައި ހުރިކަން ސީން އޮފް ކްރައިމް އެގްޒަމިނޭޝަން ރިޕޯޓުން އެނގެން އޮތްކަމަށް މުޙައްމަދު ސަމާޙުގެ ފަރާތުން ބުނިބުނުމަށް ބަލާއިރު، ހާދިސާ ހިނގި ދުވަހު ޑަންލޮޕް ތެރަސް ބޭނުންކޮށްގެން މަސްތުވިކަމަށް މުޙައްމަދު ސަމާޙު އަމިއްލައަށް ބުނެފައި އޮތުމުން، އޭނާގެ ގައިގައި ޑަންލޮޕް ތެރަސް ހޭކިފައިވަނީ ފުލުހުންގެ ފުށުން އައިކަމަކުން ކަމަށް ގަބޫލެއް ނުކުރެވެއެވެ. މުޙައްމަދު ސަމާޙު ލައިގެން ހުރި ސޯޓުގައި ލޭ ހޭކިފައިވާ ކަމަށް ބުނެފައިވާ ބުނުމަށް ބަލާއިރު، އެ ލެޔަކީ ފުލުހުން މުޙައްމަދު ސަމާޙުއަށް ނުހައްގުން އަނިޔާކުރުމުން އޭނާގެ ގައިން އައި ލޭކަމަށް ބެލެވޭނެ އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނެތް އިރު، އާދަމް ޙަލީމުއާ މުޙައްމަދު ސަމާޙުއާ ދެމެދު ކުރިމަތިލުމެއް ހިންގާފައިވާތީ އާއި، ފުލުހުން މުޙައްމަދު ސަމާޙު ހައްޔަރުކުރުމަށް މަސައްކަތް ކުރިއިރުވެސް ގަދަހަދައި ބިންމައްޗަށް ވެއްޓިގަނެ، ނުދާން ގަދަހަދާފައިވާތީ ބާރުގެ ބޭނުންކޮށް ގަދަކަމުން މުޙައްމަދު ސަމާޙު ފުލުސް އޮފީހަށް ގެންގޮސްފައިވާކަމަށް ފުލުހުންގެ ބަޔާންތަކުގައި ބުނެފައިވާތީވެ، މުޙައްމަދު ސަމާޙު ހައްޔަރުކުރުމުގެ ތެރޭގައި މުޙައްމަދު ސަމާޙު ބުނެފައިވާ ކަންކަން ކަމުގައިވާ، މޫނުން ހަން މަށައިގެން ގޮސްފައިވުން، ވެލި ހުރުން، ވާތުގެ ކުޑަވާ އިނގިއްޔަށް އަނިޔާވެފައިވުން، މި ކަންކަމަކީ ހިނގާފައި ހުރެދާނެ ކަންކަމަށް ބެލެވޭތީވެ، އެއީ ގާނޫނާ ޚިލާފަށް ކޮށްފައިވާ އަނިޔާއެއް ކަމަށް ދޭހަވާ އެއްވެސް ކަމެއް ޝަރިއަތުގެ އެއްވެސް މަރުހަލާއަކަށް ހުށަހެޅިފައި ނެތެވެ. އެހެން ނަމަވެސް، މުޙައްމަދު ސަމާޙު ހަނުހުރުމުގެ ހައްގު ބޭނުންކޮށް، ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންކަމަށް ބުނެފައިވަނިކޮށް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ހައްގު އޭނާ ދޫކޮށްލާފައިވަނީ އޭނާ ހައްޔަރުކޮށް ބަންދުގައި ގެންގުޅެފައިވާ ތަހުގީގީ މުވައްޒަފުންގެ ފަރާތުން އެކަން އެގޮތަށް ކުރުމަށް ދިން ނަސޭހަތަކުން، ނުވަތަ ދިން ލަފައަކުން، ނުވަތަ އެޅި ބާރަކުން ކަމަށް ބުއްދިއަށް ގަބޫލުކުރުމުގެ ފުރުސަތު އޮތުމުން، އެނޫން ގޮތަކަށް އެކަން ހިނގާފައިވާ ކަމަށް ފުލުހުން ދައްކައިދީފައި ނުވާހާ ހިނދަކު މި ހާލަތުގައި މުޙައްމަދު ސަމާޙުގެ ބަހަށް ބުރަދަން ދޭންޖެހެއެވެ. އަދި މި ހާލަތު އެގޮތަށް އޮތްކަމަށް ފެންނަން އޮތުމުން، މުޙައްމަދު ސަމާޙުގެ އިއުތިރާފު ބަޔާނަށް ޝަރިއަތުން ބުރަދަން ދޭންވާނީ، އެ ބަޔާނަށް ބާރުދޭ މިނިވަން އެހެން ހެކި ޝަރިއަތުގެ ކުރިމަތީގައި ހުރި ނަމައެވެ.

ލާޒިމު އިޖުރާއަތަށް ތަބައަޅުން

52ދިވެހިރާއްޖޭގެ 2008ގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ޖިނާއީ ދައުވާތައް ސާބިތުކުރުމުގެ މައިގަނޑު ވަސީލަތަކީ މުއްތަހަމު ޖަލުގައި ބަހައްޓައިގެން ހޯދާ އިއުތިރާފު ބަޔާނެވެ. އެކަމުގެ ސަބަބުން މެދުވެރިވާ ބޭއިންސާފު ހުއްޓުވުމަށްޓަކައި ޝަރިއަތުގައި ކުށް ސާބިތުކުރުމަށް ފުދޭނީ މުއްތަހަމު ޝަރިއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފުކަމަށް 2008ގެ ގާނޫނުއަސާސީގައި ބަޔާންކޮށް މުއްތަހަމަށް އިންސާފުވެރި ޝަރިއަތެއް ކަށަވަރު ކޮށްދިނުމަށްޓަކައި ލާޒިމު އިޖުރާއަތުތަކެއް ގާނޫނުއަސާސީގެ 2 ވަނަ ބާބުގައި އަސާސީ ހައްގުތަކެއްގެ ގޮތުގައި ކަނޑައަޅާފައިވެއެވެ. އެހެންކަމުން، އެ ލާޒިމު އިޖުރާއަތުތަކަށް ތަބައަވާ ގޮތަށް މެނުވީ މުއްތަހަމުގެ ކިބައިން އިއުތިރާފު ބަޔާނެއް ނެގުން ގާނޫނުއަސާސީ ހުއްދަނުކުރެއެވެ. ސުވާލަކީ، އިއުތިރާފެއް މުއްތަހަމުގެ ކިބައިން ހޯދާފައިވަނީ ގާނޫނާ ޚިލާފު ގޮތަކަށް ނުވަތަ އޭނާގެ މިނިވަންކަން ހިފަހައްޓައިގެން ނުވަތަ ގާނޫނުއަސާސީގައިވާ ލާޒިމު އިޖުރާއަތަށް ތަބައަނުވެ ކަމުގައިވާ ހިނދު، ކުށް ސާބިތުކުރުމަށް އެ އިއުތިރާފު އެއްވެސް މިންވަރަކަށް ބޭނުންކުރެވިދާނެ ހެއްޔެވެ. އަދި އެފަދަ އިއުތިރާފު ބަޔާނެއް ހެއްކެއްގެ ގޮތުގައި ބޭނުން ނުކުރެވޭ ނަމަ، އެފަދަ އިއުތިރާފު ބަޔާނަކުން ހާމަވާ މައުލޫމާތާއި އެ މައުލޫމާތުގެ އެހީގައި ލިބޭ ހެކި ޝަރިއަތަށް ބަލައިގަނެވިދާނެ ހެއްޔެވެ.

53HN5އިއުތިރާފަކީ އެމީހެއްގެ އަމިއްލަ އިޚްތިޔާރުގައި މަޖުބޫރުކަމެއްނެތި ވެފައިވާ އިއުތިރާފަކަށް ވުމާއި، އެ އިއުތިރާފަކީ ލާޒިމު އިޖުރާއަތަށް ތަބައަވެގެން ހޯދާފައިވާ އިޖުރާއަތަކަށް ވުމާއި މިއީ މުޅިން ތަފާތު ދެކަމެކެވެ. ލާޒިމު އިޖުރާއަތަށް ތަބާވެފައިވޭތޯ ބަލަންޖެހެނީ އެއީ ކޮންމެހެން، އެ އިއުތިރާފަކީ އަމިއްލަ އިޚްތިޔާރުގައި މަޖުބޫރުކަމެއްނެތި ހޯދާފައިވާ އިއުތިރާފެއްތޯ ނުވަތަ ނޫންތޯ ބެލުމަކަށް ނޫނެވެ. އޭގެ އިތުރުން، އިއުތިރާފު ބަޔާން ނެގުމުގައި ލާޒިމު އިޖުރާއަތަށް ތަބައަވެފައިވޭތޯ ފަނޑިޔާރު ބަލަންޖެހެނީ ޝަރިއަތްކުރުމާއި، ހެކިވަޒަންކުރުމުގައި އަސާސީ ބޭއިންސާފުން އެއްކިބާވުމުގެ މަގުސަދުގައެވެ. ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ އިބާރާތުގެ ދެވަނަ ޖުމްލައިގައި މަޖުބޫރުން ހެކި ހޯދުމާއި ގާނޫނާ ޚިލާފަށް ހެކި ހޯދުން ފަރަގުކޮށްފައި އޮތީ އެ ސަބަބަށްޓަކައެވެ. ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ލާޒިމު އިޖުރާއަތަށް ތަބައަނުވެ ދައުލަތުގެ އިދާރާތަކުން ކުރާ ކަންކަމުގެ މަންފާ ޕްރޮސިކިއުޝަނަށް ލިބިގެންނުވާނެއެވެ. އަދި ގާނޫނުއަސާސީއާ ގާނޫނާ ޚިލާފަށް ކަންކަން ކުރުމަށް ދައުލަތުގެ މުއައްސަސާތަކަށް ހިތްވަރުދެވިގެން ވެސް ނުވާނެއެވެ.

54މި މައްސަލައިގައި މުޙައްމަދު ސަމާޙުގެ އިއުތިރާފު ބަޔާން ނަގާފައިވަނީ ލާޒިމު އިޖުރާތަށް ތަބާނުވެ ކަމަށް ބުނެ މުޙައްމަދު ސަމާޙުގެ ފަރާތުން ފާހަގަކޮށްފައިވަނީ ޖުމްލަ ތިން ކަމެކެވެ. އެއީ: (1) ޝަރިއަތުން މުޙައްމަދު ސަމާޙުގެ ބަޔާން ނެގުމުގެ ކުރިން ގާނޫނުއަސާސީގެ މ.51 (ހ) އާ އެއްގޮތަށް ދައުވާ ބިނާވާ ގާނޫނާއި އެ ގާނޫނުގައި އެކުށަށް ދެވޭ އަދަބު ސާފުކޮށް ކިޔައިދީފައި ނެތް ކަމަށް ބުނާ ބުނުން؛ (2) ޖުލައި 24، 2012 ގެ ތާރީޚު ޖަހާފައިވާ މުޙައްމަދު ސަމާޙުގެ ބަޔާނުން އެނގޭ ގޮތުގައި އޭނާ ހުރީ ހަނުހުރުމުގެ ހައްގުގެ ބޭނުންކޮށްފައި ކަމަށާއި، އަދި، (3) ތަހުގީގުގައި ކުރާ ސުވާލުތަކަށް ޖަވާބުދޭން ބޭނުންވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށް އެ ބަޔާނުގައި ބުނެފައިވާ އިރު، އެ ހައްގުތަކުން އޭނާ މަހުރޫމުކޮށްފައިވާ ކަމަށް ބުނާ ބުނުމެވެ.

55އިސްތިއުނާފުކުރާ ފަރާތުގެ މި ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުން ބުނެފައިވަނީ މުޙައްމަދު ސަމާޙުއަށް ލިބިގެންވާ ޙައްގުތައް އޭނާއަށް ބުނެދީ، އޭނާއަށް ލިބިގެންވާ ޙައްގުތައް ފޯރުކޮށްދީފައި ވާކަން ހައްޔަރުކުރެވޭ މީހާގެ މައުލޫމާތު ފޯމަށް ބެލުމުން ސާފުވާ ކަމަށެވެ. އަދި މުޙައްމަދު ސަމާޙު ތަހުގީގަށް ދީފައިވާ ބަޔާނަށް ބަލާއިރު، ވަކީލެއްގެ ހައްގާއި ހަނުހުރުމުގެ ހައްގު ބޭނުންވާކަމަށް އޭނާ ފުރަތަމަ ބުނިނަމަވެސް، ތަހުގީގަށް އެއްބާރުލުން ދިނުމުގެ ގޮތުން، ވަކީލެއްގެ ފުރުސަތު ބޭނުންނުވާ ކަމަށާއި، ހަނުހުރުމުގެ ބަދަލުގައި ކަން ހިނގާފައިވާ ގޮތް ކިޔާދޭން މުޙައްމަދު ސަމާޙު ބޭނުންވެގެން ކިޔައިދީފައިވަނީކަން ސާފުވާއިރު، އެ ބަޔާނުގައި މުޙައްމަދު ސަމާޙު ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ކަމަށެވެ. މީގެއިތުރުން، މުޙައްމަދު ސަމާޙުގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި، 23 ޖުލައި 2012 ގައި ކްރިމިނަލް ކޯޓަށް ފުރަތަމަ ހާޒިރުކުރުމުންވެސް "މިކަމަކީ މުޙައްމަދު ސަމާޙުގެ އަތުން ހިނގާފައިވާ ކަމެއްކަމަށް" ބުނެ ކުށުގެ އަމަލަށް އިގުރާރުވެފައިވާކަން އެނގޭ ކަމަށާއި، އެއްވެސް މަޖުބޫރުކަމެއް އޮތްނަމަ، ގާޒީގެ ކުރިމަތީގައި ރައްކާތެރިކަން ލިބުނު ފުރަތަމަ މަހައްލުގައި މުޙައްމަދު ސަމާޙު އެކަން ފާހަގަކުރުމަކީ ސަބަބުވެރި ގޮތް ކަމަށާއި، ހަމައެހެންމެ، 31 ޖުލައި 2012 ގައި ދެވަނަ ފަހަރަށް ގާޒީއެއްގެ ކުރިމަތީގައި މީނާއަށް ރައްކާތެރިކަން ލިބުމުން، އަނެއްކާވެސް ކުށުގެ އަމަލަށް އިގުރާރުވެފައިވާ ކަމަށެވެ. އަދި އިތުރަށް ދައްކާނެ ވާހަކައެއް އޮތްތޯ ގާޒީ ސުވާލުކުރުމުން، ބުނެފައި އޮތީ "ދައްކާނެ ވާހަކައެއް ނެތް" ކަމަށެވެ. އަދި މުޙައްމަދު ސަމާޙު ހުރީ ހެޔޮ ހާލުގައިތޯ ގާޒީ ސުވާލުކުރުމުން ބުނެފައި އޮތީ "މި ވާހަކަ އަޅުގަނޑު އިއްޒަތްތެރި ގާޒީއަށް ދެންނެވީ އަޅުގަނޑު ހެޔޮހާލުގައި ބުއްދި ސަލާމަތުން ހުރެ" ކަމަށެވެ. އަދި މީނާއަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާއިރު، އެކަން ކަމާބެހޭ އެއްވެސް މުއައްސަސާއަކަށް ހުށަހަޅަން މީނާ ބޭނުންނުވާ ކަމަށް ކްރިމިނަލް ކޯޓުގައި ބުނެފައިވާ ކަމަށެވެ.

56އިއުތިރާފްވާ މީހާއަށް އޭނާގެ އިއުތިރާފުގެ ނަތީޖާ އެނގެންވާނެއެވެ. އެހެންކަމުން މީހަކު ކޯޓުގައި ކުށަކަށް އިއުތިރާފުވެއްޖެ ނަމަ އެ އިއުތިރާފުގެ ނަތީޖާއަކީ ކޮބައިކަން ފަނޑިޔާރު އެ މީހަކަށް އޮޅުން ފިލުވައިދޭންވާނެ އެވެ. ޝަރިއަތުން މުޙައްމަދު ސަމާޙުގެ ބަޔާން ނެގުމުގެ ކުރިން ގާނޫނުއަސާސީގެ މ.51 (ހ) އާ އެއްގޮތަށް ދައުވާ ބިނާވާ ގާނޫނާއި އެ ގާނޫނުގައި އެކުށަށް ދެވޭ އަދަބު ސާފުކޮށް ކިޔައިދީފައި ނެތް ކަމަށް ބުނާ ބުނުމަށް ބަލާއިރު، މި މައްސަލައިގެ މަހުލަރު ބަޔާންތަކުން އެނގޭ ގޮތުގައި މުޙައްމަދު ސަމާޙުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ މުޙައްމަދު ސަމާޙު ގަސްތުގައި އާދަމް ޙަލީމު މަރާލުމުން ކަމާއި، މުޙައްމަދު ސަމާޙު އާދަމް ޙަލީމަށް ހަމަލާދިނީ ކޮން ދުވަހަކު ކޮން ގަޑިއެއްގައި ކޮންތަނެއްގައި ކަމާއި އެ ދައުވާ ސާބިތުވެއްޖެ ނަމަ ލިބޭނެ އަދަބަކީ މަރަށް މަރުކަން ޝަރިއަތުގެ މަޖިލީހުގައި ސާފުކޮށްދެވިފައިވާކަން އެނގެއެވެ. އަދި އެކަންކަން އޭނާއަށް ސާފުވެފައިވާކަމަށް ބަޔާންކޮށް އޭނާ 31 ޖުލައި 2012 ދުވަހު އޮތް ޝަރިއަތުގެ މަޖިލީހުގައި ބަޔާންދީފައިވެއެވެ. އެހެންކަމުން މުޙައްމަދު ސަމާޙު ޝަރީއަތުގެ މަޖިލީހުގައި ކުށަށް އިއުތިރާފުވެފައިވަނީ ދައުވާ ސާފުވެ، އެ އިއުތިރާފުގެ ނަތީޖާ އެނގިހުރެގެންކަން ސާފުކޮށް އެނގެއެވެ. މީގެ އިތުރުން އެ ޝަރިއަތުގެ މަޖިލީހުގައި "... އަޅުގަނޑު އާދަމް ޙަލީމުގެ އާއިލާގެ ފަރާތުން މައާފަށް އެދި އަޅުގަނޑު ބޭނުންވަނީ މިކަމަށް ތައުބާވާށެވެ. އަދި ޝަރީއަތުގެ މަޖިލީހުންވެސް މިކަމަށް އަޅުގަނޑަށް އަދަބު ލިބި ތައުބާވުމުގެ ފުރުސަތު ލިބުމަށް" އެދޭ ކަމަށެވެ. މި އިބާރާތުން އެނގެނީ މުޙައްމަދު ސަމާޙު އިއުތިރާފުވެފައިވަނީ ދައުވާ ސާފުވެފައިވާ ހާލުގައި، މުޙައްމަދު ސަމާޙު ވެފައިވާ އިއުތިރާފުގެ ނަތީޖާ އަކީ ކޮބައިކަން އޭނާއަށް އެނގިހުރެގެން ކަމެވެ.

57ލާޒިމު އިޖްރާއަތާބެހޭ ގޮތުން މުހައްމަދު ސަމާޙުގެ ފަރާތުން އިތުރަށް ބުނެފައިވަނީ 24 ޖުލައި 2012 ގެ ތާރީޚު ޖަހާފައިވާ އޭނާގެ ބަޔާނުގައި ހަނުހުރުމުގެ ހައްގު އޭނާ ބޭނުންކޮށް އަދި ތަހުގީގުގައި ކުރާ ސުވާލުތަކަށް ޖަވާބުދޭން ބޭނުންވަނީ ގާނޫނީވަކީލެއްގެ ހާޒިރުގައި ކަމަށް ބުނެފައިވަނިކޮށް، އޭގެ ކުޑައިރުކޮޅެއްފަހުން ހަމަ އެދުވަހު ބޭއްވުނު ބަންދުގެ މުއްދަތުގެ މަޖިލީހުގައި "މައްސަލައާ މެދު އިތުރަށް ވިސްނާލުމަށް ފަހު" ވަކީލެއްގެ ހައްގު ދޫކޮށްލައި އޭނާ ކުށަށް އިއުތިރާފުވެފައިވަނީ އެގޮތަށް އޭނާ ލައްވައި ގަދަކަމުން އިއުތިރާފު ބަޔާނެއް ދޭން ފުލުހުން މަޖުބޫރު ކުރުމުން ކަމަށާއި، ބަންދާމެދު ގޮތެއް ނިންމާ މަޖިލީހުގައި އަދި 31 ޖުލައި 2012 ގެ ޝަރިއަތުގެ މަޖިލީހުގައި އޭނާ ގާނޫނީ ވަކީލަކާ މަޝްވަރާނުކޮށް ކުށަށް އިއުތިރާފުވެފައިވަނީ އޭނާއާއި އޭނާގެ އާއިލާއަށް ގެއްލުން ދޭނެ ކަމަށް ފުލުހުން އިންޒާރުދީގެން

58HN6މި މައްސަލައިގައި ނިޔާވެފައިވާ އާދަމް ޙަލީމް އަކީ ފުލުސް އޮފިސަރެކެވެ. އެ ސަބަބު އެހެން އޮތް ހިނދު، މުޙައްމަދު ސަމާޙު ހަނުހުރުމުގެ ހައްގު ބޭނުންކޮށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންކަމަށް ބުނެފައިވަނިކޮށް، ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ކުއްލިއަކަށް އެ ހައްގު އޭނާ ދޫކޮށްލާފައިވަނީ އޭނާ ހައްޔަރުކޮށް ބަންދުގައި ގެންގުޅެފައިވާ ތަހުގީގީ މުވައްޒަފުންކަމަށް ގަބޫލުކުރުމުގެ ފުރުސަތު އޮތުމުން، އަދި އޭގެ ފަހުންވެސް އޭނާ ހުރީ ފުލުހުންގެ ބަންދުގައި ކަމަށްވާތީވެ، މި ހާލަތުގައި މުޙައްމަދު ސަމާޙުގެ ބަހަށް ބުރަދަނެއް ދޭންޖެހެއެވެ. އަދި ދުސްތޫރީ ހައްގުތައް އޭނާ ދޫކޮށްލީ އަމިއްލަ އިޚްތިޔާރުގައި ކަމާއި، އެގޮތަށް އެކަން ކުރުމަށް އެއްވެސް ސިފައެއްގައި މުޙައްމަދު ސަމާޙުގެ މައްޗަށް ކުޑަނަމަވެސް ނުފޫޒެއް ނުފޯރުވާކަން ދައްކައިދިނުމަކީ މިހާލަތުގައި ފުލުހުންގެ މައްޗަށް އޮތް ޒިއްމާއެކެވެ. އެގޮތަށް ފުލުހުން އެކަން ދައްކައިދީ ޖަވާބުދާރީ ވެފައި ނެތުމުން، އެ ދެ ދުވަހު ( 24 ޖުލައި އަދި 31 ޖުލައި 2012 ގައި) މުޙައްމަދު ސަމާޙު ޝަރިއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފަކީ ލާޒިމު އިޖުރާތަށް ތަބައަވެގެން ނެގިފައިވާ އިއުތިރާފު ބަޔާނެއް ކަމަށް ކަށަވަރު ނުވެއެވެ.

އިއުތިރާފް ބައިބައިނުކޮށް އެކުގައި ބަލައިގަތުން

59މި މައްސަލައިގައި މުޙައްމަދު ސަމާޙު ދީފައިވާ ބަޔާނަކީ ސައްހަ އިއުތިރާފެއް ކަމަށް ބަލައިގެން، ދަށު ކޯޓާއި ހައިކޯޓުން އެއަށް ބުރަދަންދީ އެ ބަޔާނުގެ މައްޗަށް ބިނާކޮށް މުޙައްމަދު ސަމާޙުގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވެއެވެ. އަދި މުޙައްމަދު ސަމާޙުގެ އެ ބަޔާނަކީ ސައްހަ އިއުތިރާފެއް ކަމަށް މި ކޯޓަށް ވިސްނައިދިނުމަށް ޕްރޮސިކިއުޝަނުން މަސައްކަތްކޮށްފައި ވެއެވެ. މުޙައްމަދު ސަމާޙު ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ދިން ބަޔާނުގައި "އެކަމަކީ އޭނާގެ އަތުން ހިނގި ކަމެއް" ކަމަށް ބުނެފައިވީ ނަމަވެސް، ހަމަ އެ ބަޔާނުގައި އޭނާ ބުނެފައިވަނީ އާދަމް ޙަލީމް މެރުމުގެ ނިޔަތް އޭނާގެ ކިބައިގައި ނެތް ކަމަށާއި، އަދި ގަސްތުގެ މަރުގެ ދައުވާއަށް އޭނާ އިންކާރުކުރާ ކަމަށާއި އޭނާ ވަޅި ހިފައިގެން އާދަމް ޙަލީމްއާ ދިމާއަށް ދިޔައީ އާދަމް ޙަލީމްއަށް ބިރު ދައްކާލުމުގެ ގޮތުން ކަމަށެވެ. ވީމާ މި އިއުތިރާފު ބަޔާނަކީ ސައްހަ އިއުތިރާފު ބަޔާނެއް ކަމަށް ބެލި ނަމަވެސް، މި ބަޔާނުގައި މުޙައްމަދު ސަމާޙު އިއުތިރާފުވެފައިވަނީ ކުށުގެ ދެ ރުކުނުންކުރެ ހަމައެކަނި ކުށުގެ މާއްދީ ރުކުނަށެވެ. ކުށުގެ ނިޔަތުގެ ރުކުނަށް މުޙައްމަދު ސަމާޙު އިއުތިރާފުވެފައި ނެތެވެ.

60އެގޮތުން، މުޙައްމަދު ސަމާޙު ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ: "އަދި އަޅުގަނޑު މަސްތުގެ ހާލަތުގައި ހުރެގެން އާދަމް ޙަލީމަށް ބިރު ދައްކާލުމުގެ ގޮތުން ވަޅި ހިފައިގެން އައީއެވެ. އަޅުގަނޑު ވަޅި ހިފައިގެން އައީ އެއްވެސް ހާލަތެއްގައި ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައެއް ނޫނެވެ. އެކަމަކު އެވަގުތު އަޅުގަނޑު މަސްތުގެ ހާލަތުގައި ހުރުމުން އަޅުގަނޑުގެ އަތުން އާދަމް ޙަލީމްގެ ގަޔަށް އެވަޅި ހެރި، އެވަޅިން އޭނާއަށް ވަނީ ހަމަލާ ދެވިފައެވެ. އެކަމަކީ އަޅުގަނޑުގެ އަތުން ހިނގާފައިވާ ކަމެކެވެ. ނަމަވެސް ގަސްދުގައި މީހަކު މެރުމުގެ ނިޔަތުގައި އަޅުގަނޑު އެވަޅި ހިފައިގެން އައިސް އޭނާއަކަށް ހަމަލާއެއް ނުދެމެވެ. އެގޮތަށް ދައުލަތުން ބުނާނަމަ، އެ ދައުވާއަށް އަޅުގަނޑު އިންކާރުކުރަމެވެ."

61HN8އަހުރެން ދެކޭ ގޮތުގައި ދައުވާލިބޭ ފަރާތުގެ ބަޔާނުގައި ހިމެނޭ ކަންކަމުގެ ތެރެއިން ތަންތަންކޮޅު ހޮވައިގެން އެއީ ދައުވާކޮށްފައިވާ ކުށަށް ވެފައިވާ ސައްހަ އިއުތިރާފެއް ކަމަށް ނުބެލެވޭނެއެވެ. އެ އިއުތިރާފަކީ ކޯޓުގައި ނުވަތަ ކޯޓުން ބޭރުގައިވީ އިއުތިރާފެއް ނަމަވެސް އެ ބަޔާން ނަގަންވާނީ އެކަތިގަނޑެއްގެ ގޮތުގައެވެ. އެބަޔާނުން ޕްރޮސެކިއުޝަނަށް ފައިދާވާ ތަންތަންކޮޅު ހޮވައިގެން އެ ބައިތަކަށް އެކަނި އިތުބާރު ނުކުރެވޭނެއެވެ. ބަޔާނުގައި ހުރި ވާހަކަތަކުގެ ތެރެއިން ހަމައެކަނި މުއްތަހަމާ ދެކޮޅަށް ހުރި ވާހަކަތައް ނުވަތަ އެ ގޮތަށް ހުރި ބައިބައި ފަނޑިޔާރު ނަގައިގެން ނުވާނެއެވެ. މުއްތަހަމާ އެއްކޮޅަށް ހުރި ވާހަކަތަކަށްވެސް ފަނޑިޔާރު ރިއާޔަތްކުރަންވާނެއެވެ.

62ޖިނާއީ ޝަރިއަތްތައް ކުރުމުގައި އެންމެ ރަނގަޅު ގޮތަކީ ދައުވާލިބޭ ފަރާތުން ދައުވާއާ މެދު ބުނާ އެއްޗެއް އަޑުއެހުމަށްފަހު، ޝަފަހީ ހެކިން ކޯޓަށް ހާޒިރުކޮށް ދައުވާލިބޭ ފަރާތުގެ ވާހަކަތަކުގެ ތެދުވެރިކަން ޝަރިއަތުގެ ފަރާތުން ކަށަވަރުކުރުމެވެ. ހެކިން ކިޔައިދޭ ވާހަކަތަކުން، ދައުވާގައި ތުހުމަތުކޮށްފައިވާ ކަމަކީ ހިނގާފައިވާ ކަމެއްކަން ނުވަތަ ނޫންކަން ދެނެގަތުމަށް ފަސޭހަވާނެއެވެ.

63މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ކަމަށް ފެންނަން އޮތީ ދައުވާލިބޭ މީހާ ކުށަށް އިއުތިރާފުވެއްޖެ ކަމަށް ފުލުހުންގެ ތަހުގީގުން އަވަސް އަވަހަށް ބަލައި، އެ އިއުތިރާފު ފަނޑިޔާރެއްގެ ކުރިމަތީގައި ވީހައި އަވަހަކަށް ރެކޯޑުކުރުމުން ފުދިއްޖެ ކަމަށް ބަލައި، ލޮލުން ދުށް ހެކިންނާ އެހެނިހެން ހެކި ހޯދުމަށް އިތުރަށް މަސައްކަތް ނުކޮށް ތަހުގީގު ހުއްޓާލުމެވެ. އަދި ދައުވާލިބޭ މީހާ ކޯޓުގައި ދިން ބަޔާނަކީ ކުށް ސާބިތުވާ ފުރިހަމަ އިއުތިރާފެއް ކަމަށް ބަލައި، ޕްރޮސިކިއުޝަނުން ކޯޓަށް ހުށަހަޅާފައިވާ އެއްވެސް ޝަފަހީ ހެއްކަކު ކޯޓަށް ހާޒިރުނުކޮށް، ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޝަރިއަތް ނިންމާލުމެވެ. މިއީ ޖިނާއީ ތަހުގީގުކުރަންޖެހޭ އަދި ޖިނާއީ ޝަރިއަތްކުރަންޖެހޭ ގޮތެއްވެސް ނޫނެވެ. މި މައްސަލައިގައި އިއުތިރާފު ބަޔާނުގެ މައްޗަށް އެކަނި ތަހުގީގުންނާއި ޝަރިއަތުން ބަރޯސާވުމުގެ އާޚިރު ނަތީޖާއަކަށްވީ، ފަހުގެ މަރުހަލާ ތަކުގައި މުއްތަހަމު މުޅި ބަޔާނަށް އިންކާރުކޮށް، ކުށްކުރި ތަނުގައި އެގަޑީގައި އޭނާ ނުވެސް ނެތް ކަމަށް ބުނުމެވެ. އިއުތިރާފު ބަޔާން ކަށަވަރުކޮށްދޭ އަދި ނަފީކޮށްދޭ މިނިވަން ހެއްކެއް ނުވަތަ ގަރީނާއެއް ޝަރިއަތުގެ ކުރިމަތީގައި މިއަދު ނެތުމެވެ. އެހެން އެކަން ވެފައި އޮތުމުން ސުޕްރީމް ކޯޓުގައި ޕްރޮސިކިއުޝަނުން މިއަދު އެދެނީ އެ ބަޔާނާއި އެ ބަޔާނުން ހާމަވާ ކަންކަމަށް ބިނާކޮށްގެން މުއްތަހަމުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދިނުމަށެވެ. ނަމަވެސް، މުޙައްމަދު ސަމާހުގެ ބަޔާނުގެ ބޭރުން އެ ބަޔާނުގައި ބުނެފައިވާ ކަންކަން ކޮރޮބޮރޭޓް ކުރެވޭނޭ ނުވަތަ ނަފީކުރާ މިނިވަން އެއްވެސް ހެއްކެއް ސުޕްރީމް ކޯޓުގެ ކުރިމަތީގައި މިއަދު ނެތެވެ.

64މި މައްސަލައިގައި ޝަރިއަތުގެ ކުރިމަތީގައި އޮތް ވާހަކަ ބިނާކޮށްފައިވަނީ ހަމައެކަނި ދައުވާލިބޭ ފަރާތުގެ ބަޔާނުގައި ދައްކާފައިވާ ވާހަކަތަކުގެ މައްޗަށެވެ. މިއީ ވަރަށް ބަލިކަށި ގޮތެކެވެ. މުޙައްމަދު ސަމާޙުގެ ބަޔާނުގައި ބުނެފައިވަނީ އޭނާ އާދަމް ޙަލީމް މަރާލުމުގެ ގަސްތުގައި އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. މީގައި ޝަރިއަތުން އަމަލު ކުރެވޭނެ އެއްގޮތަކީ އެ ބަޔާން އެކަތި ގަނޑެއްގެ ގޮތުގައި ގަބޫލުކުރުމެވެ. ނުވަތަ އެކަތިގަނޑެއްގެ ގޮތުގައި އޭގައި ނުހިފައި ދޫކޮށްލުމެވެ. ކޯޓަށް އޮތީ މި ދެ އިޚްތިޔާރެވެ. އެ ބަޔާނުން އޭނާއާ ދެކޮޅަށް ހުރި ތަންތަންކޮޅު ހޮވައިގެން ގަސްތު މަރުގެ ކުށް ސާބިތުވާކަމަށް ބުނުމަށްފަހު އެ ބަޔާނުގައިވާ އެހެން ބައިތައް ގަބޫލުނުކޮށް ދޫކޮށްލުމެވެ. މިއީ ފަނޑިޔާރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ޝަރިއަތްކުރުމުގެ އެންމެ މައި އެއް އުސޫލަކީ މުޅި ބަޔާން އެކަތިގަނޑެއްގެ ގޮތުގައި ނެގުމެވެ. ހަމައެކަނި ކުށް ސާބިތުވާ ތަންކޮޅު ވަކިން ހޮވައިގެން ނެގުމެއް ނޫނެވެ. އެގޮތަށް ފަނޑިޔާރު ކަންކުރަންޖެހޭ ސަބަބަކީ މިފަދަ މައްސަލަތަކުގައި ޝުބުހައިން ދުރުވުމަކީ ފަނޑިޔާރުގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ވާތީއެވެ. ނަމަވެސް، ދައުވާލިބޭ ފަރާތާ ދެކޮޅަށް ޕްރޮސިކިއުޝަނުން ހުށަހަޅާފައިވާ އެހެން ހެކި ހުންނަ ހާލަތުގައި، ޕްރޮސިކިއުޝަނުން ހުށަހެޅި އެ ހެކިތައް ކޮރޮބޮރޭޓް ކުރުމަށް ދައުވާލިބޭ ފަރާތުގެ ބަޔާނުގައިވާ ބައިތައް ބޭނުންކުރެވިދާނެއެވެ.

65HN11ކޮންމެ ގޮތަކަށް ދައުވާލިބޭ ފަރާތުން ދައުވާއަށް ޖަވާބުދާރީ ވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝުބުހައެއް ނެތް މިންވަރަށް ކުށް ސާބިތުކޮށްދިނުމަކީ ޕްރޮސިކިއުޝަނުގެ ޒިއްމާއެކެވެ. މި މިންވަރަށް ޕްރޮސިކިއުޝަނުން ކުށް ސާބިތުކުރުމަށްޓަކައި ދައުވާލިބޭ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމަށް ދިން ބަޔާނަށް އެކަނި ބިނާވުމަކީ ޕްރޮސިކިއުޝަނަށް ކުރެވޭނެ ކަމެއް ނޫނެވެ. އެއީ އެފަދަ ބަޔާނަކަށް އެކަނި ބުރަވެ ޝުބުހައެއް ނެތް މިންވަރަށް ކަމެއް ސާބިތުކުރުމަކީ ނާދިރު ކަމަކަށްވެފައި އަދި މިހާރަށް ބަލައިފިނަމަ ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ށ) އެގޮތަށް އޮތުމުންނެވެ.

66މުޙައްމަދު ސަމާޙުގެ މި ބަޔާނަށް ބަލާއިރު އޭނާ ބުނެފައިވަނީ އެކަމަކީ އޭނާގެ އަތުން ހިނގާފައިވާ ކަމެއް ކަމަށް ވީނަމަވެސް އެކަމަކީ މީހަކު މެރުމުގެ ގަސްތުގައި ކޮށްފައިވާ އަމަލެއް ނޫންކަމަށެވެ. އަދި އޭނާ ބުނެފައިވަނީ އޭނާއަށް މަރްހޫމް އާދަމް ހަލީމްއަށް ވަޅިން ހަމަލާ ދެވިފައިވަނީ މަސްތުގެ ހާލަތުގައި ހުރުމުގެ ސަބަބުން ކަމަށެވެ. އާދަމް ހަލީމް މަރާލުމުގެ ނިޔަތް އޭނާގެ ކިބައިގައި ނެތް ކަމަށެވެ. ނަމަވެސް އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވަނީ ގަސްތު މަރުގެ ކުށުގެ ދައުވާ ކަމަށް ވުމުން ދައުލަތުން ކުރި ދައުވާގައި ހިމެނޭ ކުށުގެ މާއްދީ ރުކުނަށް މުޙައްމަދު ސަމާޙު އެއްބަސްވި ނަމަވެސް، އެ ކުށުގެ ނިޔަތުގެ ރުކުނަށް އޭނާ އިންކާރު ކުރެއެވެ.

67HN9މި މައްސަލައިގައި ހިމެނޭ މުޙައްމަދު ސަމާޙުގެ ބަޔާނުގައިވާ ގޮތަށް، ބައެއް ފަހަރު އިއުތިރާފް އޮންނަނީ، ދައުވާ އާއި ތުނޑާތުނޑު ދިމާވާގޮތަށް ގޮތަކަށް ނޫނެވެ. މުޙައްމަދު ސަމާޙުގެ އިއުތިރާފުގައިވާ ގޮތަށް ބައެއް ފަހަރު އިއުތިރާފް އޮންނަނީ އެއަށް އުނިއިތުރެއް ގެނެސްފައި، ނުވަތަ އިއުތިރާފްގެ މާނަ ބަދަލުވެދާނެ ބަޔާނެއް އެ އިއުތިރާފް އާއެކު ހިމަނާފައެވެ. މި މައްސަލައިގައި އާދަމް ހަލީމް މަރުވީ މުޙައްމަދު ސަމާޙު ވަޅިން ޖެހި އެތިފަހަރަކުން ކަމަށް އެއްބަސްވުމަށްފަހު، އެ އިއުތިރާފުގެ ދާއިރާ ހަނިކޮށްފައި އޭނާ ބުނެފައިވަނީ އޭނާ އާދަމް ޙަލީމުއަށް ވަޅިން ހަމަލާދީފައިވަނީ އޭނާ މެރުމުގެ ނިޔަތުގައި ނޫންކަމަށެވެ. ސުވާލަކީ މިފަދަ ހާލަތްތަކުގައި ދައުވާލިބޭ ފަރާތުގެ އިއުތިރާފް ނަގާނީ ޖުމްލަކޮށް ހެއްޔެވެ. ނުވަތަ ދެބައި ވަކިކޮށްގެން ދެބައެއްގެ ގޮތުގައި ހެއްޔެވެ. މިގޮތަށް އިއުތިރާފް ދެބައިކޮށްފި ނަމަވަޅި ހެރިކަމަށް ވެފައިވާ އިއުތިރާފް ބަލައިގެންފައި، ނިޔަތުގެ މައްޗަށް ކުރި އިންކާރު މި ބަޔާނުން ވަކިކޮށްލާނީ ހެއްޔެވެ. މި ސުވާލުގެ ޖަވާބު ދިނުމުގައި އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް ވެއެވެ. އެއް ރައުޔަކީ ހަނފީ އަދި މާލިކީ މަޒްހަބުގެ އިލްމުވެރިންގެ ރައުޔެވެ. އެ ރައުޔަކީ އިއުތިރާފްގެ މި ދެބައި ވަކި ކުރެއްވިދާނެ ކަމަށެވެ. ދެވަނަ ރައުޔަށް ތާއީދުކުރައްވާ އިލްމުވެރިން ވިދާޅުވަނީ އިއުތިރާފު ބައިބައި ނުކުރެވޭނެ ކަމަށާއި އިއުތިރާފު ބަލައިގަންނަންވާނީ ޖުމްލައަށް އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. ޝާފިޢީ މަޒްހަބުގެ އިލްމުވެރިން ވަކި ރައުޔަކަށް އިއްތިފާގު ނުވެއެވެ. ކުށުގެ ނިޔަތުގެ ރުކުނަށް ރިއާޔަތްކޮށްގެން ދައުވާކޮށްފައިވާ މަރުގެ ކުށުގައި ތަފާތު ދަރަޖަތަކެއް ހުރުމުން، އަހުރެންގެ ރައުޔަކީ މި ބަޔާނުގައި ހިމެނޭ އިއުތިރާފުގެ ބަޔާއި އިންކާރުގެ ބައި ވަކިކޮށް އިއުތިރާފުވީ ވާގިއާ ކޯޓަށް ބަލައި ގަނެ، އިންކާރުކުރި ވާގިއާ ސާބިތުކޮށް ދިނުމަށް ޕްރޮސިކިއުޝަންގެ މައްޗަށް ލާޒިމުކުރުމެވެ. އެހެނެއް ނޫނެވެ. އިއުތިރާފު ބަޔާނުގައި ދައުވާކުރާ ފަރާތުން އިއުތިރާފަށް ގެނައި އިތުރުގެ ސަބަބުން އެއްބަސްވަނީ ކޮންކަމަކަށްކަން ނޭނގޭ ވަރަށް އިއުތިރާފަށް އޮޅުން އަރާނަމަ، ނުވަތަ ދެމާނަ ނެގޭނަމަ، އިއުތިރާފުގެ ބަޔާން ބައިބައިކުރެވިދާނެ ކަމަށް ނުދެކެމެވެ. އޭގެ މިސާލަކީ ހުސައިން ވަލީދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާއެވެ. އެ ގަޒިއްޔާގައި ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ދައުލަތުގެ ފަރާތުން ހުސައިން ވަލީދުގެ މައްޗަށް ކޮށްފައިވާ އާންމު ތަނެއްގައި އެހެން ފިރިހެނަކާއެކު ބަދުއަޚްލާގީ އަމަލު ހިންގުމުގެ ދައުވާ ހުސައިން ވަލީދުގެ މައްޗަށް ސާބިތުވާ ކަމަށް ދަށު ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ އިއުތިރާފުގެ މައްޗަށް ބިނާކޮށް ކަމަށް އެ ހުކުމުގައި ބަޔާންކޮށްފައިވީ ނަމަވެސް، ހުސައިން ވަލީދުގެ މައްޗަށް ކޮށްފައިވާ ދައުވާގެ ޖަވާބުގައި ހުސައިން ވަލީދު ދަށު ކޯޓުގައި ބުނެފައިވަނީ "ދައުލަތުގެ ފަރާތުން ހުށަހަޅުއްވާފައިވާ ދައުވާއަކީ ހަގީގަތާ އެއްގޮތަށް ހުށަހެޅުއްވި ތަހުގީގުގައިވާ ފަދަ ދައުވާއެއް ކަމަށާއި، ނަމަވެސް މި މައްސަލައާ މެދު ވިސްނާލުމަށް 15 ދުވަހުގެ މުއްދަތު ބޭނުންވާ" ކަމަށެވެ. އެހެންކަމުން ހައިކޯޓުން ބުނެފައިވަނީ މި ބަޔާން ބެލުމުން ހުސައިން ވަލީދުގެ މައްޗަށް ތުހުމަތުކުރެވޭ ހާދިސާއާ ގުޅޭގޮތުން އެ ހާދިސާގެ ތަފްސީލާއެކު ޝަރިއަތުގެ މަޖިލީހުގައި ހުސައިން ވަލީދުގެ ފަރާތުން އެ ހާދިސާ ސިފަކޮށްދީފައި ނުވާކަން އެނގޭ ކަމަށާއި އެހެންކަމުން އެއީ ހުސައިން ވަލީދުގެ މައްޗަށް ތުހުމަތުކުރެވިފައިވާ ބަދުއަޚްލާގީ އަމަލު ހިންގުމުގެ ކުށުގެ މައްޗަށް އޭނާ ޝަރިއަތުގެ މަޖިލީހުގައި ވެފައިވާ ސައްހަ އިއުތިރާފެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. މިރައުޔަށް އަހުރެންވެސް ތާއީދުކުރަމެވެ.

68މުޙައްމަދު ސަމާޙުގެ ވަކީލުބުނެފައިވަނީ މުޙައްމަދު ސަމާޙުގެ ބަޔާނުން އެނގޭފަދައިން، ގަސްތުގައި މީހަކު މެރިކަމަށް ކުރާ ތުހުމަތަށް ތަކުރާރުކޮށް މުޙައްމަދު ސަމާޙު ކްރިމިނަލް ކޯޓުގައި އިންކާރުކޮށްފައި އޮތުމުން، ގަސްތު މަރު ސާބިތުކުރެވޭނޭ އިއުތިރާފެއް މި މައްސަލައިގައި ކޯޓުގެ ކުރިމަތީގައި ނެތްކަމަށެވެ. ޕްރޮސިކިއުޝަނުން ބުނެފައިވަނީ ދައުވާއަށް ޖަވާބުދެމުން މުޙައްމަދު ސަމާޙު ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، ފުރަތަމަ އޭނާ ބުނެފައިވަނީ "މިކަމަކީ އަޅުގަނޑުގެ އަތުން ހިނގާފައިވާ ކަމެކެވެ." މި ތަނުގައި މުޙައްމަދު ސަމާޙު މި އެއްބަސްވީ ދައުލަތުން ކުރި ދައުވާގައި ތަފްސީލުކޮށް ދިން ހާދިސާގެ މައިގަނޑު ވާގިއާތަކަށް ކަމަށެވެ. އަދި މި ހާދިސާ ހިނގައި ދިޔަގޮތް ޝަރިއަތުގެ މަޖިލީހުގައި އޭނާ ކިޔައިދީފައިވާ ކަމަށެވެ. މުޙައްމަދު ސަމާޙު ތަހުގީގުގައި އަދި ޝަރިއަތުގައި ދީފައިވާ ބަޔާންތަކަކީ، ގަސްތުގެ މަރުގެ ކުށަށް އިއުތިރާފުވެ ދީފައިވާ ބަޔާންތަކެއް ކަމަށް މި މައްސަލާގައި ބެލެވޭ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ. އެހެނީ މުޙައްމަދު ސަމާޙު ޝަރިއަތުގެ މަޖިލީހުގައި އެއްބަސްވެ ދައްކާފައިވާ ވާހަކަތަކުން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ރުކުންތައް ސާބިތުވާ ކަމަށެވެ. އެއީ މި ވާހަކަތަކުން އޭގެ ޒާތުގައި ފާޅުވި ގަރީނާތަކާއެކުގައެވެ. މާނައަކީ މުޙައްމަދު ސަމާޙު ވަނީ ޝަރިއަތުގެ މަޖިލީހުގައި ކުށުގެ އަމަލުގެ ބަޔަށް އެއްބަސްވެފައި - އެއެއްބަސްވި ބައިން ލިބޭ ގަރީނާ ތަކުން ނިޔަތް ވަނީ ފައުޅުވެފައި ކަމަށެވެ.

69އިއުތިރާފުގެ ތަފްސީލު ހޯދުމުން އިއުތިރާފުގެ ހަގީގަތް ކަށަވަރުކުރުމަށް ފަސޭހަވެގެންދެއެވެ. އަދި އިއުތިރާފުވާ މީހާއަށް އިއުތިރާފުވެވެނީ ކޮންކަމަކަށްކަން އޭނާއަށް އެނގޭތޯ ވެސް ބެލޭނެއެވެ. އިއުތިރާފުވާ ކަމުގެ ތަފްސީލު ހޯދުމުން އިއުތިރާފުވާ މީހާ ދައްކާ ވާހަކަ އެހެން މީހުން ދައްކާ ވާހަކަ އާއި ހެކިތަކާ ދިމާވޭތޯ އާއި އޭނާ ދައްކާ ވާހަކަ ދެކޮޅުޖެހި، ވަށައިޖެހޭކަން ނުވަތަ ނޫންކަން އެނގޭނެއެވެ.

70މާއިޒް ބިން މާލިކް އެއް ދުވަހު ކީރިތި ރަސޫލާ (ސ.ޢ..ވ.) އަރިހަށް ގޮސް އޭނާ ޒިނޭކޮށްފައިވާ ކަމަށް ބުނުމުން އޭނާ ބުއްދިފިލައި ދިޔައީތޯ ކީރިތި ރަސޫލާ އޭނާކުރެން އެއްސެވިއެވެ. އޭނާ ނޫނެކޭ ދެންނެވުމުން އެ އަންހެން މީހާއަށް ދޮނެއް ދެވުނީކަމަށް ވެދާނެ ނޫންހޭ ކީރިތި ރަސޫލާ އޭނާކުރެން އެއްސެވުމުން ނޫނެކޭ ބުނުމަށް ފަހު އޭނާ ބުނީ އޭނާ ޒިނޭކުރީ ކަމަށެވެ. ބައެއް ރިވާޔަތްތަކުގައި މާއިޒް ބިން މާލިކް ތަފާތު ހަތަރު ފަހަރެއްގެ މަތިން އެކަލޭގެފާނުގެ އަރިހަށް ވަޑައިގެންނެވިކަމުގައިވެއެވެ. އަދި ރަޖަމު ކުރެއްވުމަށް އަމުރު ކުރެއްވުމުގެ ކުރިން، ތަފާތު އެކިގޮތްގޮތަށް ސާފު ބަހުން އިތުރު އެކަލޭގެފާނު މާއިޒްއާ ސުވާލު ކުރައްވިއެވެ. މި ހަދީސް އިން އެނގެނީ މީހަކު އައިސް އިއުތިރާފު ވިޔަސް އެ އިއުތިރާފްގެ ތެދުދޮގު ކަށަވަރުނުކޮށް އެއީ ކުށް ސާބިތުކުރުމަށް ފުދޭ އިއުތިރާފެއް ކަމަށް ކީރިތި ރަސޫލާ ނުބައްލަވާކަމެވެ. އަދި އިއުތިރާފުގެ ދޮގުތެދު ކަށަވަރު ކުރެއްވުމަށްޓަކައި، އޭނާގެ އިތުރާފުގެ ތަފްސީލު ކީރިތި ރަސޫލާ އޭނާގެ ކިބައިން ސާފުކުރައްވާފައިވާ ކަމެވެ. ގަސްތު މަރުގެ ކުށް ސާބިތުކުރުމަށް ތައުނުކުރެވޭ އިއުތިރާފު ފުދޭތޯ

71އިއުތިރާފުގެ މައްޗަށް ބަލައި ކުށް ސާބިތުކުރުމުގައި (1) އިއުތިރާފުވާ މީހާގައި ހުރުން ލާޒިމުވާ ޝަރުތުތަކާއި، (2) އިއުތިރާފުގައި ހުރުން ލާޒިމުވާ ޝަރުތުތަކެއް ހުރެއެވެ.

72އިއުތިރާފްވާ މީހާ އަކީ މުކައްލަފަކު ކަމުގައި ވާންޖެހޭނެއެވެ. މުކައްލަފަކަށް ވުމުގެ މާނައަކީ، އިއުތިރާފުވާ މީހާ އަކީ ބާލިޣުވެ އަދި ބުއްދި ސަލާމަތުން ހުރި މީހެއް ކަމުގައިވުމެވެ. އެހެންކަމުން، ކުޑަކުއްޖާ އާއި ބުއްދި ހަމަނުޖެހޭ މީހާ އާއި ނިދާފައި އޮންނަ މީހާ އާއި މަސްތުގެ ހާލަތުގައި ހުންނަ މީހާގެ އިއުތިރާފު ސައްހައެއް ނުވާނެއެވެ. މިކަމަށް ދަލީލު ކޮށްދެނީ މާއިޒު ޒިނޭގެ ކުށަށް އަމިއްލަ އަށް އިއުތިރާފުވެ އެކަން ބަޔާންކުރުމުން، އަދަބު ކަނޑައެޅުމުގެ ކުރިން، މާއިޒު ހުރީ މަސްތުގެ ހާލަތުގައިތޯ ނުވަތަ މާއިޒުއަކީ ބުއްދި ފިލާފައިވާ މީހެއްތޯ ރަސޫލާ ސާފު ކުރައްވާފައިވާތީއެވެ.

73އިއުތިރާފުގައި ހުރުން ލާޒިމުވާ އެންމެ މައިގަނޑު އެއް ޝަރުތަކީ އެ އިއުތިރާފު ސާފުވުމެވެ. އޮޅުމެއް އަރާގޮތަށް އިއުތިރާފު އޮތްނަމަ އިއުތިރާފު ސައްހައެއް ނުވާނެއެވެ. އެހެންކަމުން، މީހަކު ކުށެއް ކުރިކަމުގެ މައްޗަށް އިއުތިރާފުވާ ކަމަށް ބުނިނަމަވެސް އެމީހަކު އިއުތިރާފުވަނީ ހަގީގަތުގައިވެސް އެމީހެއްގެ މައްޗަށް ތުހުމަތު ކުރެވޭ ކުށުގެ މައްޗަށްތޯ އާއި އެ އިއުތިރާފަކީ ސައްހަ އިއުތިރާފެއްތޯ ބަލައި ސާފުކުރަންޖެހެއެވެ. މިކަން ބިނާވެފައިވަނީ ކީރިތި ރަސޫލާގެ ސުންނަތުގެ މައްޗަށެވެ. މާއިޒް ބިން މާލިކު ޒިނޭއަށް އިއުތިރާފުވުމުން، އޭނާ ރަޖަމްކުރުމަށް ކީރިތި ރަސޫލާ އަމުރު ކުރެއްވީ ވަރަށް ގިނަ ސުވާލުތަކެއް ކުރެއްވުމަށްފަހު، އެ ސުވާލުތަކުގެ ހިތްޕުޅު ހަމަޖެހި ވަޑައިގަންނަވާ ސާފު ޖަވާބު ލިބިވަޑައިގަތުމުން ނެވެ.

74އިސްލާމީ ޝަރީއާގައި ބަޔާންވެގެންވާ ހައްދުގެ ކުށްތަކުގެ މައްސަލަތަކުގައި އިއުތިރާފުގައި ކުށްކުރިކަމާމެދު އެއްވެސް ޝައްކެއް އުފެދޭގޮތަށް އިއުތިރާފުގެ އިބާރާތް އޮތްނަމަ އެ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމަށް ބަލައިގެންނުވާނެއެވެ. އެއީ ادرؤوا الحدود بالشبهات "ޙައްދުތައް ޝުބުހަތަކުން ދުރުކުރާށެވެ." މި އުސޫލަށް ރައްކާތެރިވުމުގެ ގޮތުންނެވެ. އިބްނު ހުމާމް ރިވާކުރައްވާފައިވާ ގޮތުން މާއިޒް ޒިނޭގެ ކުށަށް އިއުތިރާފުވުމުން ރަސޫލާ އޭނާކުރެން އެއްސެވީ އެއީ ތިބާއަށް އެ އަންހެން މީހާއަށް ދޮނެއް ދިނީކަމަށް ... އަތްލެވުނީ ކަމަށް ވެދާނެ ނޫން ހެއްޔެވެ؟ ކީރިތި ރަސޫލާ މި ސުވާލުކުރެއްވުމުގެ މަގްސަދަކީ ޝައްކުތައް ފިލުވުމެވެ. މި ސުވާލުކުރެއްވި އަނެއް ބޭނުމަކީ މާއިޒްއަށް އިއުތިރާފުން ރުޖޫއަވުމަށް ފުރުސަތު ދެއްވުމަށް ކަމަށްވެސް ބައެއް އިލްމުވެރިން ވިދާޅުވެފައިވެއެވެ. އުމަރުގެފާނު ވިދާޅުވެފައިވާ ކަމަށް ވާރިދުވެގެން އައިސްފައިވަނީ، ހައްދުގެ ކުށެއްގައި އޮޅުމަކުން ކުށްވެރިއަކަށް އަދަބު ނުދެވި ދޫވެގެން ދިއުމަށްވުރެ، އެކަލޭގެފާނަށް ރަނގަޅީ ޝައްކުގެ މަތީގައި މީހެއްގެ މައްޗަށް އެފަދަ ކުށަކަށް އަދަބު ތަންފީޒުނުކުރުން ކަމަށެވެ.

75މި މުޙައްމަދު ސަމާޙު ވެފައިވާ އިއުތިރާފު ބަޔާނަށް ބަލާއިރު، "މި ކަމަކީ" (އާދަމް ޙަލީމް މަރުވުމަކީ) އޭނާގެ އަތުން ހިނގާފައިވާ ކަމެއްކަމަށް މުޙައްމަދު ސަމާޙު ބުނި ނަމަވެސް އޭނާގެ މައްޗަށް އުފުލިފައިވާ ގަސްތުގެ މަރުގެ ކުށުގެ ދައުވާގެ ދިފާއުގައި ދެ ކަމެއް އޭނާ ކުރިމަތިކޮށްފައިވާކަން އެ ބަޔާނުން އެނގެއެވެ. އެއް ކަމަކަށް އޭނާ ބުނެފައިވަނީ އޭނާ އެވަގުތު ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ. އަނެއް ކަމަކީ ބަދިގޭގައި އޮތް ވަޅި ނަގައިގެން މަރްހޫމް އާދަމް ޙަލީމުއާ ދިމާއަށް ދިޔައީ އާދަމް ޙަލީމަށް ބިރު ދައްކާލުމުގެ ގޮތުން ކަމަށާއި އާދަމް ހަލީމު މެރުމުގެ ނިޔަތުގައި ނޫންކަމަށް އޭނާ ބުނާ ބުނުމެވެ.

76HN10އިއުތިރާފު ސައްހަވުމުގައި އެ މައްސަލައިގައި ދައުވާކުރެވޭ ކުށުގެ ހުރިހާ އުންސުރަކަށް އަދި އެ ކުށުގެ ހުރިހާ ރުކުންތަކަށް އިއުތިރާފުގައި އެއްބަސްވެފައި އޮންނަން ޖެހެއެވެ. މި މައްސަލައިގައި މުޙައްމަދު ސަމާޙުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައިވަނީ ގަސްތުގެ މަރުގެ ކުށުގެ މައްޗަށް ކަމަށްވާއިރު، އެ ކުށުގެ މާއްދީ ރުކުނަށް މުޙައްމަދު ސަމާޙު އެއްބަސްވެފައިވީނަމަވެސް ކުށުގެ މައުނަވީ ރުކުން ކަމުގައިވާ ގަސްތުގައި އާދަމް ޙަލީމް މެރުމުގެ ނިޔަތް އޭނާގެ ކިބައިގައިއޮތް ކަމަށް އިންކާރުކޮށްފައިވާތީވެ ކުށުގެ ދެ އުންސުރު ފުރިހަމަވެފައިވޭތޯ އެއީ ސުވާލެކެވެ.

ޝަރިއަތުން ބޭރުގައި ވެފައިވާއި އިއުތިރާފު

77ކުށުގެ ތުހުމަތުގައިވާ މީހާގެ އިއުތިރާފު ދެ ބާވަތަކަށް ބެހިގެންވެއެވެ. އެއް ބާވަތަކީ ޝަރީއަތުގެ މަޖިލީހުގައި މުއްތަހަމުވާ އިއުތިރާފެވެ. އަނެއް ބާވަތަކީ ޝަރިތުގެ މަޖިލީހުން ބޭރުގައި މުއްތަހަމުވާ އިއުތިރާފެވެ. 2008ގެ ގާނޫނުއަސާސީއަށް އަމަލުކުރަން ފަށަންދެން ދިވެހިރާއްޖޭގެ ކޯޓުތަކުގައި މި ދެބާވަތުގެ އިއުތިރާފަކީވެސް އެމައްޗަށް އެކަނި ބިނާކޮށްގެން ޖިނާއީ ކުށް ސާބިތުކުރުމަށް ފުދޭ ކާފީ ހެކިކަމަށް ބެލެވުނެވެ. ނަމަވެސް، 2008 ގެ ގާނޫނުއަސާސީގެ މ.52 ގައި ބުނެފައިވަނީ: "ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީއަތުގެ މަޖިލީހުގައި ވާ އިއުތިރާފު ފިޔަވައި، އެހެން އިއުތިރާފުތަކަކީ ހެއްކެއް ކަމުގައެއް ނުބެލެވޭނެއެވެ. މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ގާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނޭ ކަންކަމެއް ނޫނެވެ. އެގޮތަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރީއަތަށް ގަބޫލުކޮށްގެނެއް ނުވާނެއެވެ."

78ޝަރިއަތުގެ މަޖިލީހުން ބޭރުގައި މުއްތަހަމު ވެފައިވާ އިއުތިރާފު ކޯޓަށް ބަލައިނުގަނެވޭނެ ކަމަށް ހެއްކާބެހޭ އާ ގާނޫނުގައި ބުނެފައި ނެތެވެ. ހެއްކާބެހޭ ގާނޫނުގެ 74 ވަނަ މާޢްދާގައި ބުނެފައިވަނީ ޝަރީއަތުގެ މަޖިލިސް ފިޔަވައި އެހެން ތަނެއްގައި މީހަކު ވެފައިވާ އިއުތިރާފު ސާބިތުކުރެވޭނީ ހެކި ސާބިތުކުރުމަށް ކަނޑައަޅާފައިވާ އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ. ހެއްކާބެހޭ ގާނޫނުގެ 74 ވަނަ މާއްދާ ތަންފީޒުކުރާނެ ގޮތް ކުރިއަށް އޮތްތަނުގައި ސާފުވާނެ ކަމަށް ދެކެމެވެ. ހެއްކާބެހޭ ގާނޫނު އައުމުގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން އަބްދުﷲ، އާއި އިތުރު 5 ފަރާތެއް ގަޒިއްޔާގައި ގާނޫނުއަސާސީގެ 52 ވަނަ މާއްދާ މާނަކުރަމުން ބުނެފައިވަނީ ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައިވާ ގޮތުން، މުއްތަހަމު ޝަރިއަތުގެ މަޖިލިސް ފިޔަވައި، އެހެން ތަނެއްގައި ވާ އިއުތިރާފަކީ ކުށް ސާބިތުކުރުމަށް ފުދޭ ހެއްކެއް ކަމަށް ނުވާކަމަށެވެ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން އަބްދުﷲ، އާއި އިތުރު 5 ފަރާތެއް ގަޒިއްޔާގައި އުފެދުނު އެއް ސުވާލަކީ ފުލުހުންގެ ތަހުގީގަށް ނުވަތަ އެނޫންވެސް އިދާރާއަކަށް މުއްތަހަމު އިއުތިރާފު ބަޔާނެއް ދީފައިވަނިކޮށް، އެ އިއުތިރާފަށް ޝަރިއަތުގެ މަޖިލީހުގައި މުއްތަހަމު އިންކާރުކޮށްފިނަމަ، ޝަރިއަތުން ބޭރުގައި މުއްތަހަމު ވެފައިވާ އިއުތިރާފަށް މައްސަލައިގެ ހުކުމުގައި ފަނޑިޔާރަށް ރިއާޔަތްކުރެވިދާނެތޯ އާއި ރިއާޔަތްކުރެވޭނަމަ، އެފަދަ ބަހެއްގެ ނުވަތަ ބަޔާނެއްގެ ނުވަތަ އެ ބަޔާނުން ހާމަވާ ކަމަކަށް ޝަރިއަތުން މައްސަލަ ފައިސަލާކުރުމުގައި ދެވޭނީ ކިހާ މިންވަރެއްގެ ބުރަދަނެއް ތޯއެވެ. ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން އަބްދުﷲ، އާއި އިތުރު 5 ފަރާތެއް ގަޒިއްޔާގައި މި ނުކުތާއާ ބެހޭ ގޮތުން ބަޔާންކޮށްފައިވަނީ، ޝަރިއަތުގެ މަޖިލީހުން ބޭރުގައި ވެފައިވާ އިއުތިރާފު ދެ ގޮތަކަށް ޝަރީއަތުގެ މަޖިލީހަށް ހުށަހެޅިދާނެ ކަމަށާއި؛ ފުރަތަމަ ގޮތަކީ، މުއްތަހަމު އިއުތިރާފުވީކަމަށް ޝަރީއަތުގެ މަޖިލީހުގައި މީހަކު ދޭ ހެކިބަހެއްގެ ސިފައިގައި ހުށަހެޅުން ކަމަށާއި، ދެވަނަ ގޮތަކީ މުއްތަހަމުގެ އިއުތިރާފު ލިޔެ މަހުލަރުކުރެވިފައިވާ ކިތާބީ ހެއްކެއްގެ ސިފައިގައި ހުށަހެޅުން ކަމަށާއި، މިއިން އެއްވެސް ބާވަތެއްގެ އިއުތިރާފެއްގެ މައްޗަށް ބިނާކޮށް މުއްތަހަމުގެ މައްޗަށް ދައުވާ ސާބިތުވާނީ، ޖިނާއީ އެހެނިހެން ހެކިތަކާއި ދަލީލުތަކެކޭ އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް އެ އިއުތިރާފަކާ މެދު އިގްތިނާއު ވެވިގެން ކަމަށެވެ. އިތުރަށް މި ހުކުމުގައި ބުނެފައިވަނީ މަދަނީ އިޖްރާއާތުގެ ގާނޫނުގައި އިއުތިރާފަކީ ނުވަތަ އިގްރާރަކީ އިގްރާރުވާ މީހާގެ މައްޗަށްވާ ގަޠްޢީ ހުއްޖަތެއް ކަމުގައި ވީނަމަވެސް، ޖިނާއީ އިއުތިރާފަކީ ޖިނާއީ ދައުވާ ސާބިތުކުރެވޭ ދަލީލުތަކުގެ ތެރެއިން، މައްސަލަބަލާ ފަނޑިޔާރުގެ އިގްތިނާއުގެ މައްޗަށް ބިނާކޮށް ގާއިމުވެވޭ ދަލީލެއްކަމަށް ވާތީވެ، މަދަނީ އިއުތިރާފާއި ޚިލާފަށް، ޖިނާއީ އިއުތިރާފުން ރުޖޫއަވުމަކީ މަނާކަމެއް ނޫންކަމަށެވެ. އަދި މުއްތަހަމު އިއުތިރާފުން ރުޖޫއަވިނަމަވެސް، އޭނާ ވެފައިވާ އިއުތިރާފުން ރުޖޫއަވުމާއި، އެ ރުޖޫއަވުން ބިނާކުރި ސަބަބުތައް ވަޒަންކޮށް ގޮތެއް ކަނޑައެޅުމަކީ މައްސަލަބަލާ ފަނޑިޔާރަށް ލިބިގެންވާ ބާރެއް ކަމަށެވެ. އަދި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އެ ހުކުމުގައި ބުނެފައިވަނީ، ތުހުމަތުކުރެވޭ މީހާ ބުއްދި ސަލާމަތުން ހުރެ ޝަރީއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފު ފިޔަވައި، އެހެން އިއުތިރާފުތަކަކީ ހެއްކެއް ކަމުގައި ނުވާނެ ކަމަށް ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބުނެފައިވާ ބަހުގެ މުރާދަކީ ޝަރީއަތުގެ މަޖިލީހުން ބޭރުގައި މުއްތަހަމު ވެފައިވާ އިއުތިރާފަކީ ސައްހަ އިއުތިރާފެއް ކަމުގައި ޝަރީއަތުގެ މަޖިލީހުގައި އޭނާ ސަރީހަކޮށް އިގްރާރު ނުވާހާ ހިނދަކު، އެފަދަ އިއުތިރާފަކީ ހަމައެކަނި އޭގެމައްޗަށް ބިނާކޮށް ޖިނާއީ މައްސަލަތައް ސާބިތުކުރެވޭ މިންވަރުގެ ކާފީ ހެއްކެއް ކަމަށް ނުވުން ކަމަށެވެ. މީގެ އިތުރުން، ދައުލަތުގެ ރަސްމީ ފަރާތަކުންކުރި ތަހުގީގެއްގައި މީހަކު ކުށަކަށް އިއުތިރާފުވެ އެ އިއުތިރާފުގެ ބަޔާނުގައި ސޮއިކޮށްފައި އޮތުމާއެކު އެ ބަޔާނުގައި ތަހުގީގުކުރި ފަރާތުގެ ސޮއި އޮތްނަމަ ތަހުގީގުގައި އިއުތިރާފުވެ ސޮއިކޮށްފައިވާ މީހާ ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމުން ޝަރީއަތުގެ މަޖިލީހުން ބޭރުގައި މުއްތަހަމު ވެފައިވާ އިއުތިރާފުން ރުޖޫއަވުމާއި އެ ރުޖޫއަވުން ބިނާކުރި ސަބަބުތައް ވަޒަންކޮށް ތަގްޔީމުކުރުމުގެ ބާރާއި އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށާއި، ނަމަވެސް މުއްތަހަމުގެ މައްޗަށް ދައުވާ ސާބިތުވާނީ މައްސަލަ ބަލާ ފަނޑިޔާރަށް އިޤްތިނާއުވެވޭ މިންވަރަށް އެ މައްސަލައިގައި ހެއްކާއި ގަރީނާ ލިބިގެން ކަމަށް ސުޕްރީމް ކޯޓުގެ މި ބަޔާންކުރި ހުކުމުގައި ބުނެފައިވެއެވެ.

79ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. މުޙައްމަދު ނަބީލު ގަޒިއްޔާގައި ބެލި އަލްމަރްހޫމް އަބްދުﷲ ފަރުހާދުގެ މަރުގެ މައްސަލައިގައި ދަށު ކޯޓުން ކުރި ހުކުމުގައި އެ މައްސަލައިގައި ޝަރިއަތްކުރެއްވި ގާޒީ އަލީ ރަޝީދު ޙުސައިން (މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު) ވިދާޅުވެފައިވަނީ ދައުވާލިބޭ މީހާ ފުލުހުންގެ ތަހުގީގުގައި އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި އިއުތިރާފު ބަޔާނެއް ދީފައި އޮންނަ ހާލަތުގައި މުއްތަހަމު ޝަރީއަތަށް ހާޒިރުކުރުމުން ޝަރީއަތުގެ މަޖިލީހުގައި އެ އިއުތިރާފަށް އިންކާރުކުރާ ހާލަތުގައި، މުއްތަހަމު ތަހުގީގަށް ދީފައިވާ ބަޔާނަށް ބުރަދަނެއް ދިނުމަށް ގާނޫނުއަސާސީގެ 52 ވަނަ މާއްދާއިން ހުރަސްނާޅާ ކަމަށެވެ. އެހެން އެކަން އޮތުމުން، ދައުވާ ލިބޭ މީހާ ތަހުގީގުގައި އިއުތިރާފުވެފައި، ޝަރީއަތުގައި ތަހުގީގު ބަޔާނަށް އިންކާރުކުރާ ހާލަތުގައި، އޭނާ ތަހުގީގުގައި ބަޔާން ދިނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚުތިޔާރުގައިކަން ޝަރީއަތަށް ސާބިތުވެފައި، އެ ބަޔާނަށް ބާރުދޭ އެހެން ހެކިތަކެއް ނުވަތަ ގަރީނާތަކެއް ހުރިނަމަ، އެ ބަޔާނަށް ގަރީނާއެއްގެ ބުރަދަން ދެވިދާނެ ކަމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައި ވެއެވެ. މި ގަޒިއްޔާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ތާއީދުކުރަމުން ސުޕްރީމް ކޯޓުން ބުނެފައިވަނީ، މުޙައްމަދު ނަބީލު ތަހުގީގަށް ދީފައިވާ ބަޔާނުގައި އޭނާގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަށް އެއްވެސް އޮޅުމަކަށް ޖާގަނުލިބޭ މިންވަރަށް ސާފުބަހުން އިއުތިރާފުވުމަށް ފަހު، އެކަން ކުރި ސަބަބުތަކާއި އެކަން ކުރުމަށްޓަކައި އެހީތެރިކަން ލިބިގަތް ފަރާތްތަކާއި އަދި އެކަން ކުރި ގޮތް އޮޅުންނާރާ ފަދަ ސާފުބަހުން ސިފަކޮށް ބަޔާންކޮށްފައިވަނީ އެކަން ހިނގާފައިވާ ގޮތަށް އެއްވެސް ފަރާތެއްގެ މަޖުބޫރުކަމެއް ނެތި މީނާގެ އަމިއްލަ އިޚުތިޔާރުގައި ކަމަށް ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި މުޙައްމަދު ނަބީލު ބުނި ބުނުމަކީ މުޙައްމަދު ނަބީލުގެ މައްޗަށް ދައުވާ އުފުލިފައިވާ ކުށަށް ޝަރީއަތުގެ މަޖިލީހުގައި ވެވޭ އިއުތިރާފެއްކަމަށް މެނުވީ ބެލެވެންޖެހޭ ޝަރުޢީ އަދި ގާނޫނީވިޔަސް ހަމައެއް ނެތް ކަމަށެވެ. މި ވާހަކަ ތަފްސީލުކޮށްދެމުން ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ބުނެފައިވަނީ މުޙައްމަދު ނަބީލުގެ ބަޔާނުގައި […] އާމިނަތު ނިއުމާއަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮ ކަމަށާއި، އާމިނަތު ނިއުމާއަކީ މަޖީދީ މަގުގައި ހުންނަ "ބޮންޑު ސްޓްރީޓް" ފިހާރައިގާ ވަޒީފާ އަދާކުރާ ކުއްޖެއް ކަމަށާއި، އާމިނަތު ނިއުމާ އެ ފިހާރައިގައި އުޅުނުއިރު އޭނާ ގެ ވަޒީފާގެ މަސައްކަތް ނިމެނީ ރޭގަނޑު 23:00 ގައި ކަމަށާއި، ނިމޭ ގަޑިއަށް މީނާ އާމިނަތު ނިއުމާ ބަލައި، ކޮންމެ ރެއަކުވެސް ރޭގަނޑު 23:00 ހާއިރު އެ ފިހާރައަށް ދާކަމަށާއި، އެގޮތުން 2009 މާރިޗް 05 ވަނަ ދުވަހުގެރޭ 23:00 ހާއިރު މުޙައްމަދު ނަބީލު އޭނާގެ ރައްޓެއްސެއް ކަމަށްވާ […] އުޅޭ […] އަލީ ރަޒީން (ވަނަމަކަށް ޕޮއްޑި) އާ ދެ މީހުން އާމިނަތު ނިއުމާ ބަލައި އެ ފިހާރައަށް ދިއުމުން އާމިނަތު ނިއުމާ ނިކުމެފައި ފިހާރަ ކުރިމަތީގައި ހުރި ފިރިހެން ކުއްޖެއް މުޙައްމަދު ނަބީލަށް ދައްކާފައި އެ ކުއްޖާއަކީ ފަރޭ (އަބްދުﷲ ފަރުހާދު) ނަމަކަށް ކިޔާ ކުއްޖެއް ކަމަށާއި، އާމިނަތު ނިއުމާ ފިހާރައިގައި އިންނަ ވަގުތު އެ ކުއްޖާ ފިހާރައަށް ވަދެ އާމިނަތު ނިއުމާއަށް ޖެއްސުންކޮށް، މަގުމަތިން ހިނގާފައި ދާއިރުވެސް އާމިނަތު ނިއުމާއާ ފޮށެ ހަދާކަމަށް މުޙައްމަދު ނަބީލު ގާތުގައި ބުނިކަމަށާއި، 2009 މާރިޗް 08 ދުވަހުގެރޭ 19:30 ހާއިރު މުޙައްމަދު ނަބީލު ގޭގައި އުޅެނިކޮށް އާމިނަތު ނިއުމާ ގެއަށް އައިސް "އޭނާގެ އުރަމަތީގައި މިއަދު ފަރޭ ހިފައިފި ކަމަށާއި، އަތުގައި ހިފައިވެސް ހެދިކަމަށް" ބުނިކަމަށާއި، އެހެންކަމުން އަލީ ރަޒީން އުޅޭ ގެއަށް މުޙައްމަދު ނަބީލު ގޮސް އަލީ ރަޒީނުގެ ގާތުގައި "އާމިނަތު ނިއުމާގެ ގަޔަށް އެއްކަލަ ފަރޭ އަތްފޯރުވައިފި ކަމަށާއި، މިރޭ 23:00 ގައި ގޮސް ފަރޭއާ ދިމާކޮށް އޭނާއަށް ޙަމަލާދޭން" ބުނިކަމަށާއި، އެއަށްފަހު މުޙައްމަދު ނަބީލުގެ ރައްޓެހި އިތުރު ބަޔަކަށް ގުޅައި އަލީ ރަޒީން އުޅޭ […] ކައިރިއަށް އަންނައްޗޭ މުޙައްމަދު ނަބީލު ބުނިކަމަށާއި، އެރޭގެ 23:00 ހާއިރު މުޙައްމަދު ނަބީލު، އަލީ ރަޒީން އުޅޭ […] ކައިރިއަށް ދިޔައިރު ދިޔައީ ތިލައިގެ ފުޅާމިނުގައި 01 އިންޗި އަދި ދިގުމިނުގައި 06 އިންޗި ހުންނަ ވަރުގެ ސިލްވަރކުލައިގެ ކަޓަރެއް ހިފައިގެން ކަމަށާއި، "ބޮންޑު ސްޓްރީޓް" ފިހާރަ ކައިރިއަށް އަބްދުﷲ ފަރުހާދު ހޯދުމަށްގޮސް ނަލަހިޔާ ހޮޓަލުގެ ކަންމަތީގައި މަޑުކޮށްލައިގެން ތިއްބައި އެ ހޮޓާ ކައިރިން އަބްދުﷲ ފަރުހާދު މަޖީދީމަގުން ހުޅަނގުން އިރަށް ހިނގާފައި ދަނިކޮށް މުޙައްމަދު ނަބީލަށް ފެނިގެން، މި މީހުންގޮސް އަބްދުﷲ ފަރުހާދުގެ ގާތުގައި މި މީހުންނާއެކު އަންނާނޭ ބުނެ، އަބްދުﷲ ފަރުހާދު ގޮވައިގެން އާމިނަތު ނިއުމާ މަސައްކަތްކުރާ "ބޮންޑު ސްޓްރީޓް" ފިހާރަ ކައިރިއަށް ދިޔައިރު އެ ތަނުގައި އާމިނަތު ނިއުމާ ނެތުމުން، އަބްދުﷲ ފަރުހާދު ގޮވައިގެން ދިޔައީ މަޖީދީމަގު ސޯސަން ސްޓޯރު ކުރިމަތީގައި އޮންނަ ޕާކަށް (ޔޫ.އެން ޕާކަށް) ކަމަށާއި، އެ ޕާކަށްގޮސް އެ ތަނުގައިހުރި އައްޓެއްގައި އަބްދުﷲ ފަރުހާދު ބޭންދުމަށްފަހު އާމިނަތު ނިއުމާއާ ބެހެންތޯ އަބްދުﷲ ފަރުހާދުގެ ގާތުގައި މުޙައްމަދު ނަބީލު އެހިކަމަށާއި، މުޙައްމަދު ނަބީލު އެހެން އެހުމުން އާމިނަތު ނިއުމާ ނުދަންނަ ކަމަށާއި އޭނާއާ ނުބެހޭކަމަށް އަބްދުﷲ ފަރުހާދު ބުނުމުން އަލީ ރަޒީނުގެ މޯބައިލް ފޯނަށް ގުޅައި އާމިނަތު ނިއުމާ ގޮވައިގެން ޔޫ.އެން ޕާކަށް އައުމަށް މުޙައްމަދު ނަބީލު ބުނިކަމަށާއި، އޭގެ ކުޑައިރުކޮޅެއްފަހުން އާމިނަތު ނިއުމާ ގޮވައިގެން އަލީ ރަޒީން ޔޫ.އެން ޕާކަށް އައިކަމަށާއި، އެ މީހުން އައުމުން އާމިނަތު ނިއުމާއަށް އަބްދުﷲ ފަރުހާދު ދައްކާފައި އޭނާ ބެހޭތޯ އާމިނަތު ނިއުމާ ގާތު ސުވާލުކުރުމުން އާނއެކޭ އާމިނަތު ނިއުމާ ބުނުމުން އަބްދުﷲ ފަރުހާދު ނުބެހެމޭ ކިޔާފައި ތެދުވެގެން ދުއްވައިގަންނަން އުޅުމުން، އަބްދުﷲ ފަރުހާދުގެ ވާތްފަރާތު ކަންފަތްމަތީގައި މުޙައްމަދު ނަބީލުގެ ކަނާތުން ޖެހިކަމަށާއި، އަބްދުﷲ ފަރުހާދުގެ މޭމަތީގައި މުޙައްމަދު ނަބީލުގެ ކަނާތު ފައިން ޖެހިކަމަށާއި، ދެން އެ ތަނުގައި އެއްވެތިބި މީހުން އަބްދުﷲ ފަރުހާދުގެ ގައިގައި އެ މީހުންގެ އަތުންނާއި ފައިން ތަޅައި މާރާމާރީ ހިންގަންފެށުމުން އަބްދުﷲ ފަރުހާދު ދުވެފައި ގޮސް ޕާކުގެ އިރުމަތީ މަގުން ނިކުމެގެން މަޖީދީމަގާ ދިމާއަށް ދުއްވައިގަތުމުން މުޙައްމަދު ނަބީލުގެ ޖީބުގައި އޮތް ކަޓަރު ނެގުމަށްފަހު އެ ކަޓަރުގެ ތިލަ ހުޅުވާފައި އަބްދުﷲ ފަރުހާދުއާ ދިމާއަށް އެއްލިކަމަށާއި، އެ ވަގުތު ކަޓަރުގޮސް އޭގެ ތިލަ އަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް ވަދެ ބުރަކަށީގައި ކަޓަރު ހަރުލިކަމަށާއި، ދެން އަބްދުﷲ ފަރުހާދު މުޙައްމަދު ނަބީލާ ދިމާއަށް އެނބުރުމަށްފަހު ފަހަތަށް ދިޔަވަގުތު އެ ތަނުގައި އޮތް ވޭނެއްގައި އަބްދުﷲ ފަރުހާދުގެ ބުރަކަށި ކަޓަރާއެކު ޖެހި އެއަށްވުރެވެސް ބޮޑަށް ކަޓަރުގެ ތިލަ އަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް ވަންކަމަށާއި، އެ ވަގުތު އަބްދުﷲ ފަރުހާދު ތެޅިގަތުމުން ބުރަކަށިން ކަޓަރު ނެއްޓިގެން ބިންމައްޗަށް ވެއްޓުނު ކަމަށާއި އެ ވަގުތު އަބްދުﷲ ފަރުހާދުގެ ބުރަކަށިން ލޭ އަންނަމުން ދިޔަކަމަށާއި، މި ލޭތައް އެ ވަގުތު އަބްދުﷲ ފަރުހާދު ލައިގެންހުރި ޓީޝާޓުގެ މަތިން ފޭދިގެން ފެންނަން ހުރިކަމަށް މުޙައްމަދު ނަބީލުގެ ތަހުގީގު ބަޔާނުގައި ބުނެފައިވާއިރު މުޙައްމަދު ނަބީލު އާއި އޭނާއާ އެކުގައި ދިޔަ މީހުން ފަރުހާދުގެ ގައިގައި ތަޅައި އަނިޔާކުރަން ފެށުމުން އެމީހުންގެ ކިބައިން ސަލާމަތް ވާންވެގެން ފަރުހާދު ދުއްވައިގަތުމުން މުޙައްމަދު ނަބީލު އާއި އޭނާއާ އެކުގައި ތިބި މީހުންގެ ތެރެއިން އެކަކު އެއްލި ކަޓަރެއް އަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް ހެރުނުކަން ދައުލަތުން ހުށަހެޅި ބަޔާންވެދިޔަ ހެކިންގެ ތެރެއިން ތިން ހެއްކަކު ހެކި ދީފައިވާކަމާއި، މުޙައްމަދު ނަބީލު، އަބްދުﷲ ފަރުހާދުއާ ދިމާލަށް ކަޓަރު އެއްލިއިރު، މުޙައްމަދު ނަބީލުގެ ކޮއްކޮ އާމިނަތު ނިއުމާ މުޙައްމަދު ނަބީލު ކައިރީގައި ހުރިކަމަށާއި، މުޙައްމަދު ނަބީލުގެ ޖީބުގައި އޮތް ކަޓަރު ނަގައި އަބްދުﷲ ފަރުހާދުއާ ދިމާއަށް އެއްލަން އުޅުމުން މުޙައްމަދު ނަބީލުގެ އަތުގައި ހިފަހައްޓަން އާމިނަތު ނިއުމާ އުޅުނު ކަމަށާއި، ނަމަވެސް މުޙައްމަދު ނަބީލު ކުރިއަށް ޖެހިލާފައި ކަޓަރު އެއްލިކަމަށާއި، އެ ކަޓަރުގޮސް އަބްދުﷲ ފަރުހާދުގެ ބުރަކައްޓަށް ހެރުނު މަންޒަރު ދުށްކަމަށް އާމިނަތު ނިއުމާ ތަހުގީގުގައި ދީފައިވަ ބަޔާނުގައި ބުނެފައިވާކަމާއި އާމިނަތު ނިއުމާ ތަހުގީގުގައި ބަޔާންދީފައިވަނީ އާމިނަތު ނިއުމާގެ ބައްޕަގެ ހާޒިރުގައި ކަމާއި، އާމިނަތު ނިއުމާ ބަޔާން ކިޔައި ނިމުމުން، އާމިނަތު ނިއުމާގެ ބައްޕަވެސް އެ ބަޔާން ކިޔުމުން، އާމިނަތު ނިއުމާ ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖެހުމުން، އާމިނަތު ނިއުމާގެ ބައްޕަވެސް ބަޔާނުގައި ސޮއިކޮށް އިނގިލީގެ ނިޝާންޖެހި މަންޒަރު ވީޑިއޯއިން ފެންނަން އޮތުމާއި، މިކަން މިގޮތަށް ހިނގިކަން އާމިނަތު ނިއުމާގެ ބައްޕަ […] އިބްރާހީމް ރަޝީދު ޝަރީއަތުގައި ދީފައިވާ ބަޔާނުން އެނގެން އޮތުމާއި، އެ ހާދިސާގައި ކަންތައް ހިނގައިދިޔަ ގޮތްކަމަށް އައިމިނަތު ނިއުމާ ކިޔައިދިން ގޮތާއި، މުޙައްމަދު ނަބީލުގެ ތަހުގީގު ބަޔާނުގައި މި މާރާމާރީ ހިންގި ގޮތްކަމަށް މުޙައްމަދު ނަބީލު ކިޔައިދީފައިވާ ގޮތާއި، ހެކިބަސްދިން ހެކިންގެ ހެކިބަހުގެ އަސްލުތަކުގައި ފުށުއެރުމެއް ނެތްކަމާއި، އެ ހާދިސާގައި ލިބުނު އަނިޔާގެ ސަބަބުން އަބްދުﷲ ފަރުހާދު މަރުވެފައިވާކަން އެ ބަޔާން ދިންއިރު އައިމިނަތު ނިއުމާއަށް އެނގިފައިވާ ހާލުގައި، ހާދިސާ ހިނގިތާ މާގިނައިރެއް ނުވަނީސް އާމިނަތު ނިއުމާ ތަހުގީގަށް ބަޔާން ދިންއިރު، އޭނާގެ އެއްބަނޑު އެއްބަފާ ބޭބެ މުޙައްމަދު ނަބީލު، އަބްދުﷲ ފަރުހާދުގެ ގަޔަށް ކަޓަރު ހެރިކަމަށް ބުނެފައިވާ ބުނުމަކީ ޝަރީއަތަށް ގަބޫލުކުރެވޭ ހެކި ބަހެއްކަމާއި، މުޙައްމަދު ނަބީލު ޝަރީއަތުގައި ތަހުގީގު ބަޔާނާ ބެހޭގޮތުން ބުނި ވާހަކަތަކާއި، ތަހުގީގުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާން ކިޔައި، މުޙައްމަދު ނަބީލު ތަހުގީގަށް އިއުތިރާފު ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަށް ބެލިއިރު، ފެންނަ ފަދައިން، މުޙައްމަދު ނަބީލު ތަހުގީގުގައި ބަޔާން ދީފައިވަނީ އެއްވެސް މަޖުބޫރުކަމެއް ނެތި އަމިއްލަ އިޚްތިޔާރުގައި ކަމަށް މުޙައްމަދު ނަބީލު ޝަރީއަތުގައި ސާފު ބަހުން ބުނެފައިވާތީ، މީނާގެ މި އިއުތިރާފަކީ ޝަރީއަތަށް ގަބޫލުކުރެވޭ އިއުތިރާފެއްކަން އެނގެން އޮންނަ ކަމަށާއި، މުޙައްމަދު ނަބީލު ތަހުގީގުގައި ސޮއިކޮށް އިނގިލީގެ ނިޝާން ޖަހާފައިވާ ބަޔާނާއި، މުޙައްމަދު ނަބީލު ތަހުގީގަށް ބަޔާން ދިންއިރު ނަގާފައިވާ ވީޑިއޯ ރެކޯޑިންއަކީ މި މައްސަލައިގެ ހެކިބަސްދިން ތިން ހެކިންގެ ހެކިބަހާ ގުޅިފައިވާ އެ ހެކިންގެ ހެކިބަހަށް ބާރުދޭ ހެއްކަކަށް ވުމާއި، މުޙައްމަދު ނަބީލު، އަބްދުﷲ ފަރުހާދަށް ހަމަލާ ދިނީ ރުޅިވެރިކަމެއް އޮވެގެން ހަމަލާދިނުމަށް ރާވައިގެންކަން ބަޔާންކުރެވިދިޔަ މުޙައްމަދު ނަބީލުގެ ބަޔާނާއި، އެ ބަޔާނުގެ ތެދުކަން ކަށަވަރުކޮށްދޭ ހެކިތަކާއި ދަލީލުތަކުން ސާބިތުވެފައިވުމުން، މުޙައްމަދު ނަބީލުގެ މައްޗަށް ދައުލަތުން ކުޅަ ގަސްތުގައި މީހަކު މަރާލުމުގެ ކުށުގެ މި ދައުވާ އޭނާގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި އެ ކުށުގެ އުގޫބާތެއްގެ ގޮތުން މުޙައްމަދު ނަބީލު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އެއްވެސް ޝައްކެއްނެތް މިންވަރަށް އޭނާގެ މައްޗަށް ކުށް ސާބިތުވާ ވަރުގެ ހެއްކާއި ކާފީ ދަލީލު ލިބިފައިވާތީކަމަށް ސުޕްރީމް ކޯޓުން ކުރި އެ ހުކުމުގައި ބުނެފައި ވެއެވެ.

80HN12މި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ހެއްކާބެހޭ ގާނޫނުގެ 74 ވަނަ މާއްދާގައި ބުނެފައިވަނީ، ޝަރީއަތުގެ މަޖިލިސް ފިޔަވައި އެހެން ތަނެއްގައި މީހަކު ވެފައިވާ އިއުތިރާފު ސާބިތުކުރެވޭނީ ހެކި ސާބިތުކުރުމަށް ކަނޑައަޅާފައިވާ އާންމު އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ. މިމާއްދާއިން އެނގެނީ ހެއްކާބެހޭ ގާނޫނުން މިފަދަ އިއުތިރާފުތައް މުތުލަގަށް އެއްކިބާކޮށްފައި ނެތް ކަމެވެ. މި ގޮތަށް މި މާއްދާގައި ބަޔާންކޮށްފައި އޮތުމުން ދޭހަވަނީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން އަބްދުﷲ، އާއި އިތުރު 5 ފަރާތެއް ގަޒިއްޔާގައި ބަޔާންކޮށްފައިވާ ގޮތަށް، މުއްތަހަމު ޝަރިއަތުގެ މަޖިލީހުން ބޭރުގައި ވެފައިވާ އިއުތިރާފު ޝަރީއަތުގެ މަޖިލީހުގައި މީހަކު ދޭ ހެކިބަހެއްގެ ސިފައިގައި ނުވަތަ ހެކި ސާބިތުކުރުމަށް ކަނޑައަޅާފައިވާ އެހެން އުސޫލަކުން، ސާބިތުކޮށް، އެ ހެކި ކޯޓުން ބަލައިގަނެވިދާނެކަމެވެ. ޝަރިއަތުން ބޭރުގައި ވެވޭ އިއުތިރާފު މިގޮތަށް ސާބިތުކޮށްދެވުނު ނަމަވެސް ގާނޫނުއަސާސީގެ 52 ވަނަ މާއްދާގެ މަގްސަދު ގެއްލިގެންދިޔަ ނުދިނުމަށްޓަކައި، އެފަދަ އިއުތިރާފެއްގެ މައްޗަށް މީހެއްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅަންވާނީ އެ އިއުތިރާފަށް ބާރުދޭ މިނިވަން އެހެން ހެކި ނުވަތަ ގަރީނާ ފަނޑިޔާރުގެ ކުރިމަތީގައި ހުރެ، މުއްތަހަމު ކުށްކުރި ކަމަށް ފަނޑިޔާރަށް އިގްތިނާއުވެވޭ ނަމައެވެ.

އިއުތިރާފުން ރުޖޫއަވުން

81ސުވާލަކީ، މުއްތަހަމު ޝަރިއަތުގެ މަޖިލީހުގައި މަރުގެ ކުށަށް އިއުތިރާފު ވުމަށްފަހު، އެ އިއުތިރާފުން ރުޖޫއަވެއްޖެ ނަމަ، ރުޖޫއަވީ އިއުތިރާފަށް ނުވަތަ އެ ބަޔާނުގައިވާ ބައެއް ކަންކަމަށް ނުވަތަ އެ ބަޔާނުން ހާމަވީ ކަންކަމަށް ފަނޑިޔާރަށް ރިއާޔަތްކުރެވިދާނެތޯ އާއި ރިއާޔަތްކުރެވޭނަމަ، ޝަރިއަތުގެ މަޖިލީހުގައި ދީފައިވާ އެފަދަ ބަޔާނެއްގެ ނުވަތަ އެ ބަޔާނުން ހާމަވާ ކަމަކަށް ޝަރިއަތުން ދެވޭނީ ކިހާ މިންވަރެއްގެ ބުރަދަނެއް ތޯއެވެ. ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމް އަޙްމަދު 33 ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، މަރުގެ މައްސަލައެއްގައި މުއްތަހަމު ޝަރިއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފަކުން ރުޖޫއަވެވޭނީ އެ އިއުތިރާފުން ރުޖޫއަވެވޭނޭ މަގުބޫލު ސަބަބެއް ދެއްކިގެން ކަމަށެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ޑރ. އަފްރާޝީމް އަލީއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުގައި ޙުސައިން ހުމާމް އަޙްމަދު ބައިވެރިވެފައިވާ ކަމަށް އޭނާ ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ވުމަށްފަހު، އެ އިއުތިރާފުން ރުޖޫއަވެވޭނޭ މަގުބޫލު ސަބަބެއް އޭނާއަށް ދެއްކިފައި ނުވާ ކަމަށާއި، ޑރ. އަފްރާޝީމް އަލީއަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލުމުގައި ޙުސައިން ހުމާމް އަޙްމަދު ބައިވެރިވެފައިވާ ކަމަށް ޙުސައިން ހުމާމް އަޙްމަދު ޝަރީއަތުގައި ވެފައިވާ އިއުތިރާފުގެ އިތުރުން ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ޙުސައިން ހުމާމް އަޙްމަދު އެ ނުރައްކާތެރި އަމަލު ހިންގުމުގައި ބައިވެރިވެފައިވާ ކަމަށް ގަބޫލުކުރެވޭ މިންވަރަށް ހެކިބަސް ލިބިފައިވާތީ، ބުނެވިދިޔަ ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ގަސްތުގައި މީހަކު މަރާލުމުގެ ކުށް ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް ސާބިތުވާކަމަށެވެ.

82ހަމަ އެކަނި މާތްﷲގެ ހައްގުތައް އެކުލެވޭ މައްސަލަތަކުގައި ހުކުމް ކުރުމުގެ ކުރިން ނުވަތަ ފަހުން ނުވަތަ ހުކުމް ތަންފީޒުކުރުމުގެ ތެރޭގައި މީހަކު އިއުތިރާފުން ރުޖޫއަވެއްޖެނަމަ، އިއުތިރާފުން ރުޖޫއަވުން ސައްހަ ވާނެއެވެ. އެހެންނަމަވެސް ފަރުދުންގެ ހައްގުތަކުގެ މައްސަލަތަކުގައި، މިސާލަކަށް، ގިސާސް އާއި ދިޔައިގެ މައްސަލަތަކުގައި އިއުތިރާފުން ރުޖޫއައެއް ނުވެވޭނެއެވެ. އަދި ތައުޒީރުގެ އަދަބު ހިމެނޭ ކުށްތަކުގެ މައްސަލަތަކުގައިވެސް އިއުތިރާފުން ރުޖޫއައެއް ނުވެވޭނެއެވެ. އަދި މަދަނީ އެއްވެސް މައްސަލައެއްގައި އިއުތިރާފުން ރުޖޫއަވުން ހުއްދަވެގެން ނުވެއެވެ. މި ބަޔާންކުރި ނުކުތާގެ އިތުރުން، އިއުތިރާފުން ރުޖޫއަވުމާ ގުޅޭގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމް އަޙްމަދު 34 ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ޝަރީއަތުގެ މަޖިލީހުގައި ގާޒީގެ ކުރިމަތީގައި މީހަކުވާ އިއުތިރާފުން ރުޖޫއުވުމާ ގުޅޭގޮތުން އިސްލާމީ ފިގުހުގައި ބަޔާންކުރެވިފައިވާ ކަންކަމަށް ބަލާއިރު ހަމައެކަނި މާތްﷲގެ ހައްގު އެކުލެވޭ ކަމެއްގައިވެވޭ އިއުތިރާފަކުން (މިސާލު: އިސްލާމީ ޝަރީއަތުގައި ޙައްދު ކަނޑައެޅިފައިވާ ޒިނޭފަދަ ކުށްތަކަށް ވެވޭ އިއުތިރާފުން) ރުޖޫއަވެއްޖެނަމަ އެކަމުގެ މައްޗަށް ބުރަދަނެއް ދެވިދާނެކަމަށް އިސްލާމީ ފިގުހު އިލްމުވެރިން ވިދާޅުވާ ކަމަށާއި، ނަމަވެސް ގިސާސްގެ މައްސަލަތައް ފަދަ އާދަމުގެ ދަރިއާގެ ހައްގު އެކުލެވިގެންވާ ކަމެއްގައި މީހަކުވާ އިއުތިރާފުން ރުޖޫއަ ނުވެވޭނެކަމަށް އިސްލާމީ ޝަރީއަތުގެ ފިގުހު އިލްމުވެރިން ލިޔުއްވާފައިވާ ކަމަށެވެ. އެހެންކަމުން އެ މައްސަލައިގައި ޙުސައިން ހުމާމް އަޙްމަދުގެ މައްޗަށް އުފުލިފައިވާ ކުށަށް 07 ޑިސެންބަރު 2012 ގައާއި 22 މެއި 2013 ގައި ޙުސައިން ހުމާމް އަޙްމަދު ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފުތަކަކީ ޝަރުޢީ އަދި ގާނޫނީ ހަމަތަކުގެ މަތިން ބަލާއިރު ސައްހަ ރަނގަޅު އިއުތިރާފުތަކެއް ނޫންކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށާއި، އަދި އެ މައްސަލައިގެ ހުކުމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ބެލުމުން އެ މައްސަލައިގައި ހިމެނޭ ކުށަށް ޙުސައިން ހުމާމް އަޙްމަދު ވެފައިވާ އިއުތިރާފުތަކުން ރުޖޫއަވުމަށް ދައްކާފައިވާ ވާހަކަތަކަކީ ހަރުދަނާ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ބިނާކޮށް ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކެއް ކަމުގައި ބެލެވޭނެ ހަރުދަނާ ސަބަބުތަކެއް ޙުސައިން ހުމާމް އަޙްމަދުގެ ފަރާތުން ދެއްކިފައިނުވާތީވެ، ޙުސައިން ހުމާމް އަޙްމަދު އަށް އިއުތިރާފުން ރުޖޫއަ ނުވެވޭނެ ކަމަށެވެ.

83HN13ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމް އަޙްމަދު ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ، މަރުގެ މައްސަލައެއްގައި މުއްތަހަމު ޝަރިއަތުގެ މަޖިލީހުގައި ވެފައިވާ އިއުތިރާފަކުން ރުޖޫއަވެވޭނީ އެ އިއުތިރާފުން ރުޖޫއަވެވޭނޭ މަގުބޫލު ސަބަބެއް ދެއްކިގެން ކަމަށެވެ. ވީމާ، އިއުތިރާފުން ރުޖޫއަވުން ހުއްދަވާ މަގުބޫލު ސަބަބުތަކަކީ ކޮބައިތޯއެވެ. މިކަމުގައި ދަމަހައްޓަމުން އައި މައިގަނޑު ހަމަ މިހާރު ފެންނަން އޮތީ މިފަހުން ހަދާފައިވާ ހެއްކާބެހޭ ޤާނޫނުގައެވެ. ހެއްކާބެހޭ ގާނޫނުގެ 85 ވަނަ މާއްދާގައި ބުނެފައިވަނީ މީހަކު އިއުތިރާފުވީ، އޭނާ އެ އިއުތިރާފުވީ ހަގީގަތާ ގުޅޭގޮތުން އޭނާއަށް އޮޅުވައިލުމުގެ ސަބަބުން، ނުވަތަ އެކަމެއްގެ ހަގީގަތް އޭނާއަށް އޮޅިފައި އޮތުމުގެ ސަބަބުންކަން، ޝަރީއަތަށް ގަބޫލުކުރެވޭ ފަދަ މިންވަރަކަށް ސާބިތުކޮށްދީފިނަމަ، އެ އިއުތިރާފުން އޭނާއަށް ރުޖޫއަވެވިދާނެ ކަމަށެވެ. މި މާއްދާގައި މިވާ ގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ވެފައިވާ އިއުތިރާފަކުން ރުޖޫއަވެވޭނީ މި ހާލަތުގައި އެކަންޏެވެ.

84އިސްވެދިޔަ ބައިގައި ބަޔާންކުރިފަދައިން މި މައްސަލައިގައި މުޙައްމަދު ސަމާޙު ސުޕްރީމް ކޯޓަށް ހުށަހެޅި މައިގަނޑު އެއް ނުކުތާއަކީ އޭނާ ކްރިމިނަލް ކޯޓުގައި ވެފައިވާ އިއުތިރާފަކީ ރުޖޫއަވެފައިވާ އިއުތިރާފެއް ކަމަށްވެފައި، އެ އިއުތިރާފުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ހުކުމް ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ނިންމުން ރަނގަޅުނޫން ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

85މުޙައްމަދު ސަމާޙު ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި އިއުތިރާފުވި ކުށުން މުޙައްމަދު ސަމާޙު ރުޖޫއަވާނަމަ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމް އަޙްމަދު ގަޒިއްޔާގައި ބަޔާންކުރާފަދަ މަގުބޫލު ސަބަބެއް ދައްކަންޖެހޭއިރު، އޭނާ ކްރިމިނަލް ކޯޓުގައި ދީފައިވާ ބަޔާނުގައި އިއުތިރާފުވެފައި އޮތް ކުށުން ރުޖޫއަވެވޭނޭ ފަދަ މަގުބޫލު ސަބަބެއް މި މައްސަލައިގައި ދެއްކިފައިވާ ކަމަށް ނުދެކެމެވެ. ޤާނޫނާ ޚިލާފަށް ހޯދާފައިވާ އިއުތިރާފުންނާއި ރުޖޫއަވެފައިވާ ބަޔާނަކުން ހާމަވާ މައުލޫމާތު

86ގާނޫނުއަސާސީގެ 52 ވަނަ މާއްދާގައި ބުނެފައިވަނީ މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ގާނޫނާ ޚިލާފަށް ހެކި ހޯދުމަކީ އެއްވެސް ފަރާތަކުން ކޮށްގެންވާނޭ ކަމެއް ނޫން ކަމަށެވެ. އަދި ގާނޫނާ ޚިލާފަށް ހޯދާ ބަޔާންތަކާއި ހެކިތައް ޝަރިއަތަށް ގަބޫލުކޮށްގެން ނުވާނޭ ކަމަށެވެ. މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ހުސައިން ސަބާހް ގަޒިއްޔާގެ ހުކުމުގައި މި މައުލޫގެ ދަށުގައި ހިމެނޭ ބައެއް ކަންކަމުގެ މައްޗަށް ގޮތްތަކެއް ކަނޑައެޅިފައި ވެއެވެ. އެ މައްސަލައިގައި ސުޕްރީމް ކޯޓުގެ ހުކުމުގައި ކަނޑައަޅާފައިވަނީ ކޯޓު އަމުރެއްނެތި ދައުވާލިބޭ ފަރާތުގެ އޮފީހަށް ފުލުހުންވަދެ ހޯދާފައިވާ ހެކި ގަބޫލުނުކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވަނީ ގާނޫނާ ޚިލާފަށް ހޯދާ ހެކި އެއްކިބާ ކުރުމުގެ އުސޫލަކީ ފުލުހުންނާ އެހެނިހެން ތަޙްޤީޤީ އިދާރާތަކުން ދުސްތޫރާ އެއްގޮތަށް ހެކި ހޯދުމަށް ބާރު އެޅުމާއި ދައުލަތުގެ މުވައްޒަފުންނަށް ލިބިފައި އޮންނަ ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށް ބާރު އަޅާ އުސޫލެއް

87މި މައްސަލައިގައި ހިމެނޭ އިއުތިރާފު ބަޔާނަށް ބަލާއިރު، އެ ބަޔާނުގައި މުޙައްމަދު ސަމާޙު ޝަރިއަތުގެ މަޖިލީހުގައި ދީފައިވާ ބަޔާނުގައި ގަސްތުގައި މީހަކު މެރިކަމަށް އިންކާރު ކުރެއެވެ. އޭނާގެ މައްޗަށް ޕްރޮސިކިއުޝަނުން ދައުވާކޮށްފައިވާ ކުށް ކަމުގައިވާ ގަތުލު އަމްދުގެ ނުވަތަ ގަސްތު މަރުގެ ކުށަށް އެ ބަޔާނުގައި އޭނާގެ އިންކާރުކޮށްފައި ވެއެވެ. އޭނާ ބުނެފައިވަނީ ކޯޕްރަލް އާދަމް ހަލީމު މެރުމުގެ ނިޔަތް އޭނާގެ ކިބައިގައި ނެތް ކަމަށެވެ. މި ދިފާއުއާ ވިދިގެން ޕްރޮސިކިއުޝަނުން ބުނެފައިވަނީ އޭނާގެ ކިބައިގައި ނިޔަތް އޮތްކަން ސާބިތުވަނީ އޭނާގެ ބަޔާނުން ހާމަވާ ވާގިއާތަކުން ކަމަށެވެ. ޕްރޮސިކިއުޝަނުން ބުނެފައިވަނީ މުޙައްމަދު ސަމާޙުގެ ބަޔާނުގައި އޭނާ އަމިއްލައަށް ކިޔައިދީފައިވާ ކަންކަމުން ގަސްތުގައި އާދަމް ހަލީމު މަރާލުމުގެ ނިޔަތް ފާޅުވާ ކަމަށެވެ. ޕްރޮސިކިއުޝަނުން ބުނެފައިވަނީ އިސްލާމީ ޝަރީއަތަށް ބަލާއިރު، ދެ ގޮތަކުން ގަސްތު އޮތްކަން ސާބިތުކުރެވިދާނެ ކަމަށާއި، ފުރަތަމަ ގޮތަކީ ހަމާލާދިނުމަށް ބޭނުންކުރާ ހަތިޔާރުގެ ބާވަތަށް ބަލައިގެން ނިޔަތް އޮތްކަމަށް ކަނޑައެޅުން ކަމަށާއި ދެވަނަ ގޮތަކީ، ހަމަލާދީފައިވާ ތަނަށް ބެލުން ކަމަށެވެ. ވަޅިއަކީ މީހަކު މަރާލެވިދާނެ ފަދަ ހަތިޔާރެއް ކަމަށާއި، މި ހާލަތުގައި މުޙައްމަދު ސަމާޙު، އާދަމް ޙަލީމުއަށް ހަމަލާ ދިނުމަށް ބޭނުންކޮށްފައިވަނީ ތޫނު ވަޅިއެއް ކަމަށް މުޙައްމަދު ސަމާޙުގެ ބަޔާނުގައި ބުނެފައި އޮތުމުން، މި ހާލަތުގައި ބެލެވޭނީ އާދަމް ޙަލީމް މަރާލުމުގެ ގަސްދު އޭނާގެ ކިބައިގައި އޮތްކަމަށެވެ. އަދި މުޙައްމަދު ސަމާޙުގެ ބަޔާނުގައި ކިޔައިދީފައިވާ ގޮތުން، ކޯޕްރަލް އާދަމް ހަލީމު އެގެއަށް އައިސްހުރީ މުޙައްމަދު ސަމާޙު ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ކަމާއި، މިކަމާ މުޙައްމަދު ސަމާޙު ހިތްހަމަނުޖެހިފައި އަދި ރުޅި އައިސްފައި ހުރިކަން އެނގޭ ކަމަށާއި އާދަމް ޙަލީމު އައުމުން ގެއަށްވަދެ ތޫނު ވަޅިއެއް ހިފައިގެން އައިސް ކޯޕްރަލް އާދަމް ޙަލީމްއާ އަދާވާތްތެރިކަމާއި އެކު މުޙައްމަދު ސަމާޙު ކުރިމަތިލާފައިވާ ކަމާއި، ވަޅި ޖަހާފައިވަނީ ކޮނޑަށް ކަމަށް ވާއިރު، ލިބިފައިވާ ޒަޚަމުގެ ފުންމިނަށާއި، ލިބިފައިވާ އަނިޔާއަށް ބަލާއިރު ވަޅި ހުރީ ތިލަކޮށް، ނުވަތަ ކިރިޔަކިރިޔާ ހެރިލާފައި ނޫންކަން ސާފުވާ ކަމަށާއި، ވަޅި ހެރުމަށްފަހު އަމަލުކުރި ގޮތަށް ބަލާއިރު، އޮޅުމަކުން ހެރުނުނަމަ، ދޭންޖެހޭ އެހީތެރިކަމާއި، ސަމާލުކަން ދީފައި ނެތް ކަން އެނގޭ ކަމަށެވެ. އަދި އެ ބަޔާނުން މުޙައްމަދު ސަމާޙުގެ ހިތުގައި އާދަމް ޙަލީމާ މެދު އަދި ފުލުހުންނާ މެދުވެސް ނަފުރަތްތެރިކަމެއް އުފެދި އިންޒާރުގެ ބަސްތައް ރައްދުކޮށްފައިވާ ކަމާއި، އަދި ހާދިސާ ހިނގި ދުވަހުވެސް، އާދަމް ޙަލީމު ހުރީ މުޙައްމަދު ސަމާޙު ޕޮލިސް ސްޓޭޝަނަށް ގެންދިއުމަށް ގޮސް ކަމަށްވެފައި، މުޙައްމަދު ސަމާޙު އެކަމަށް ދެކޮޅު ހަދައި، ދާން ބޭނުންނުވެ ރުޅި އައިސްފައިވުމާއި، މިފަދަ އެންމެހައި ކަންކަމަކީ، އާދަމް ޙަލީމުއަށް ގަސްދުގައި ޙަމަލާ ދިނީކަން ދަލާލަތުކޮށްދޭ ސަބަބުތައްކަމަށް ޕްރޮސިކިއުޝަނުން ބުނެފައި ވެއެވެ.

88ކުރިންވެސް ބަޔާންކުރި ފަދައިން މުޙައްމަދު ސަމާޙު ގަސްތުގައި މީހަކު މެރިކަމަށް އިޢުތިރާފު ވެފައިވާކަން ސާފު ނޫނެވެ. އޭނާގެ މައްޗަށް ޕްރޮސިކިއުޝަނުން ދައުވާކޮށްފައިވާ ކުށް ކަމުގައިވާ ގަތުލު އަމްދުގެ ނުވަތަ ގަސްތު މަރުގެ ކުށަށް އެ ބަޔާނުގައި އޭނާގެ އިންކާރުކޮށްފައި ވެއެވެ. އެހެންކަމުން މުޙައްމަދު ސަމާޙުގެ ބަޔާނުގައި ކިޔައިދީފައިވާ ވާހަކަތަކުގެ ތެރެއިން ޕްރޮސިކިއުޝަނުގެ ދައުވާއަށް ފަހިވާ ގޮތަށް ހުރި ތަންތަންކޮޅު ހޮވައި، ވަކިކޮށް، ބައިބައިކޮށްގެން އެ ތަންތަންކޮޅު އޭނާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެއްޔެވެ. މަތީގައި އިސްވެދިޔަ ބައިގައި އަހުރެން ބުނެފައިވަނީ ދައުވާލިބޭ ފަރާތުގެ ބަޔާން ނަގަންވާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށެވެ. އެ ބަޔާން ވަކިވަކިކޮށް ރޫޅާލައިގެން ދައުވާލިބޭ ފަރާތާ ދެކޮޅަށް ހުރި ބައިތައް އެކަނި ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ. އޭނާގެ ނިޔަތް ކަށަވަރުކުރަންވާނީ ނުވަތަ ދެނެގަންނާނީ އެ ބަޔާނުގެ ބޭރުން ލިބޭ މިނިވަން މުސްތަގިއްލު ހެއްކާއި ގަރީނާއިންނެވެ. އޭނާގެ ބަޔާނުގެ ތެރެއިން ހޮވައިގެންނެއް ނޫނެވެ. ނަމަވެސް ދައުވާލިބޭ ފަރާތުގެ ބަޔާނުން ލިބޭ މައުލޫމާތުގެ އަލީގައި ލިބޭ ހެކިތަކަކީ ގުޅުންހުރި ހެކިތަކެއް ނަމަ، ނުވަތަ ކިޔައިދީފައިވާ ވާހަކަތަކާ އެއްކީލި ވާނަމަ، އެފަދަ ހެކި ކޯޓުން ބަލައިގަތުމަށް ހުރަހެއް ނެތެވެ. އިއުތިރާފު ކޮރޮބޮރޭޓްވުން ނުވަތަ އެހެން ހެއްކާއި ގަރީނާއިން އިއުތިރާފަށް ބާރު ލިބުން

89ޕްރޮސިކިއުޝަނުން ދައުވާކޮށްފައިވާ ކުށް ކަމުގައިވާ ގަތުލު އަމްދުގެ ނުވަތަ ގަސްތު މަރުގެ ކުށަށް މުޙައްމަދު ސަމާޙުގެ ބަޔާނުގައި އިންކާރުކޮށްފައި ވެއެވެ. އޭނާ ބުނެފައިވަނީ ކޯޕްރަލް އާދަމް ހަލީމު މެރުމުގެ ނިޔަތް އޭނާގެ ކިބައިގައި ނެތް ކަމަށެވެ. މި ދިފާއާ ވިދިގެން ޕްރޮސިކިއުޝަނުން ބުނެފައިވަނީ އޭނާގެ ކިބައިގައި ނިޔަތް އޮތްކަން ސާބިތުވަނީ މުޙައްމަދު ސަމާޙުގެ އެ ބަޔާނުގައި އޭނާ ކިޔައިދީފައިވާ ވާހަކަތަކުން ހާމަވާ ކަންކަމުން ކަމަށެވެ. ޕްރޮސިކިއުޝަނުގެ މި ނުކުތާއާ ވިދިގެން އިސްވެދިޔަ ބައިގައި އަހުރެން ބަޔާންކޮށްފައިވަނީ ދައުވާލިބޭ ފަރާތުގެ ބަޔާން ނަގަންވާނީ އެކަތިގަނޑެއްގެ ގޮތުގައި ކަމަށާއި، އެ ބަޔާން ވަކިވަކިކޮށް، ރޫޅާލައި، އެކިތަންތަންކޮޅު ހޮވައިގެން ދައުވާލިބޭ ފަރާތުގެ މައްޗަށް ކުށް ސާބިތުކުރުމަށް އެ ބައިތައް އެކަނި ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށާއި، ކުށުގެ ނިޔަތް ސާބިތުކުރުމަށް އެ ބައިތަށް ނުފުދޭ ކަމަށާއި، އޭނާގެ ނިޔަތް ކަށަވަރުކުރަންވާނީ ނުވަތަ ދެނެގަންނަންވާނީ އެ ބަޔާނުގެ ބޭރުން ލިބޭ މިނިވަން މުސްތަގިއްލު ހެއްކާއި ގަރީނާއިން ކަމަށެވެ.

90މި ނުކުތާއާ ބެހޭ ގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ބުނެފައިވަނީ ކްރިމިނަލް ކޯޓުން މުޙައްމަދު ސަމާޙުގެ މައްޗަށް ގަސްތު މަރުގެ ކުށް ސާބިތުކޮށްފައިވަނީ ހަމައެކަނި މުޙައްމަދު ސަމާޙުގެ އިއުތިރާފުގެ މައްޗަށް ބިނާކޮށްގެން ނޫންކަމަށެވެ. ސަބަބަކީ ކްރިމިނަލް ކޯޓުގެ ހުކުމުގެ 9، 10، 13، އަދި 16 ވަނަ ނުކުތާގެ 3 ވަނަ ނަންބަރަށް ބަލާއިރު "މި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު" މި ގޮތަށް ބަޔާންކޮށް އިއުތިރާފުގެ އިތުރުން ކޯޓަށް ހުށަހެޅިފައިވާ ކިތާބީ ހެކިތައް ވަޒަންކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި އިތުރަށް ޕްރޮސިކިއުޝަނުން ބުނެފައިވަނީ ހައިކޯޓުގެ ހުކުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ 03، 3.2 އަދި 3.4 ވަނަ ނުކުތާއަށް ބަލާއިރު، މުޙައްމަދު ސަމާޙު ވެފައިވާ އިއުތިރާފާއެކު މައްސަލައިގައި ހުށަހެޅިފައިވާ އެހެން ހެކި ގަރީނާއަށް ހައިކޯޓުންވެސް ރިއާޔަތްކޮށް އިއުތިރާފުގެ ސައްހަކަން ކަށަވަރުކޮށްފައިވާކަން އެނގޭ ކަމަށެވެ. އަދި ކޯޓުން ހުކުމްކުރުމުގައި އިއުތިރާފު ކަށަވަރުކުރުމަށް ރިއާޔަތްކުރި ލިޔުންތައް ކޯޓަށް ފޮނުވިކަން ދައުވާ ފޯމުގެ 5 ވަނަ ނަންބަރުން އެނގޭ ކަމަށާއި، އަދި އިތުރު ބައެއް ލިޔުންތައް 2 ސިޓީއަކުން ކޯޓަށް ފޮނުވާފައިވާކަން އެނގޭ ކަމަށެވެ. އަދި އެ ލިޔުންތަކުގެ ތެރެއިން ބައެއް ލިޔުންތަކަށް ކްރިމިނަލް ކޯޓުގެ ހުކުމުގައި ސީދާ ހަވާލާދީ އަދި ބައެއް ލިޔުންތަކަށް ޖުމްލަގޮތެއްގައި ހަވާލާދީ މުޙައްމަދު ސަމާޙުގެ އިއުތިރާފަކީ ހަގީގަތުގައި ހިނގިކަމެއްގެ މައްޗަށް ވެފައިވާ އިއުތިރާފެއްކަން ކްރިމިނަލް ކޯޓުން ކަށަވަރުކޮށްފައިވާ ކަމަށް ޕްރޮސިކިއުޝަނުން ބުނެފައިވެއެވެ.

91HN14ކުރިންވެސް ބަޔާންކުރި ފަދައިން މީހެއްގެ މައްޗަށް މަރުގެ ހުކުމް އައިސްފާނެފަދަ ކުށަކަށްވާ އިއުތިރާފަކީ، ހުޅުވާލެވިގެންވާ ކޯޓެއްގައި އަދި ވަކީލެއްގެ އެހީތެރިކަން ލިބިހުރެ އެ މީހަކު އެކުށުގެ އެންމެހާ ރުކުންތަކަށް އަމިއްލަ އިޚްތިޔާރުގައި ވެފައިވާ އިއުތިރާފަކަށް ނުވާހާ ހިނދަކު، އެމީހެއްގެ މައްޗަށް މަރުގެ އަދަބު ދިނުމުގެ ބޭނުމުގައި އެފަދަ ކުށެއް ސާބިތުކުރުމަށް ހަމައެކަނި އޭނާ ވެފައިވާ އިއުތިރާފު ހެއްކެއްގެ ގޮތުގައި ދައުލަތުން ބޭނުންކޮށްގެން ނުވާނެ އެވެ. އެއަށް ބާރުދޭ އެހެނިހެން ހެކި ނުވަތަ ގަރީނާ ފަނޑިޔާރުގެ ކުރިމަތީގައި ހުންނަންވާނެއެވެ.

92އާދަމް ހަލީމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ ޝަރީއަތަށް ހުށަހެޅޭ ޚަބީރެއްގެ ހެކިބަހުގެ މައްޗަށް ޝަރިއަތުން ބުރަވުމުގެ ކުރިން ފުރިހަމަކުރަންޖެހޭ އިޖުރާއީ ކަންތައްތަކެއް ހުންނަ ކަމަށާއި، އޭގެ ތެރޭގައި އެ ޚަބީރަކު ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެ އޭނާގެ ރައުޔު ހާމަކުރުމާއި، ގާޒީގެ ކުރިމަތީގައި ތެދުބަހުން ވާހަކަ ދެއްކުމުގެ މައްޗަށް ޝަރުއީ ހަމަތަކުގެ މަތިން ކުރަންޖެހޭ ހުވައި ކުރުމާއި، އެ ޚަބީރަކު ރައުޔުދީފައިވާ ކަންތައްތަކާ ގުޅޭގޮތުން މައްސަލައިގައި ހިމެނޭ ޚަސްމުންނަށް ޝަރީއަތުގެ މަޖިލީހުގައި އޭނާއާ ސުވާލުކޮށް މުނާގަޝާކުރުމުގެ ފުރުސަތު ކޯޓުގެ ފަރާތުން ތަނަވަސްކޮށްދިނުން ހިމެނޭ ކަމަށެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ އެ ހުކުމުގައި ބަޔާންކޮށްފައިވަނީ ޚަބީރު ކޯޓަށް ހާޒިރުކޮށް އޭނާގެ ރައުޔާމެދު ކޯޓުގައި ސުވާލުކުރުމުގެ ފުރުސަތު ދީފައިނުވާތީވެ، ޚަބީރު ލިޔުމުން ދީފައިވާ ރައުޔަކީ މަގުބޫލު ހެއްކެއް ނޫންކަމަށެވެ.

93ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ އިސްމާއީލު ޖަލީލު މުހައްމަދު ވ. ރާރާ އިންވެސްޓްމަންޓް ޕވޓ ލޓޑ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ މައްސަލައެއްގައި ހެއްކެއްގެ ގޮތުން ހާޒިރުކުރެވޭ މީހަކު ޝަރިއަތުގެ މަޖިލީހުގައި ހެކިބަސް އަދާކުރުމުގެ ކުރިން ހުވައި ކުރުމަކީ ހެކިންގެ ހެކިބަސް ނެގުމުގައި އަމަލުކުރަމުން އަންނަ އިޖުރާއަތު ކަމަށާއި، ހުވައި ނުކޮށް ޝަރިއަތުން ނަގާ ހެކިބަހަށް ބުރަދަން (ހެކިބަހުގެ ދަރަޖަ) ނުދެވޭނެ ކަމަށެވެ.

94އިބްރާހިމް ޒަކީ ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބަޔާންކޮށްފައިވަނީ ހެކިން ޝަރިއަތުގެ މަޖިލީހަށް ހާޒިރުނުކޮށް، އެމީހުން ދީފައިވާ ތަހުގީގު ބަޔާނުގައިވާ ވާހަކަތަކަކީ ހެކިބަހުގެ ގޮތުގައި ނުބެލެވޭނެ ކަމަށެވެ.

95އަހްމަދު މުހައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލް ގަޒިއްޔާގައި އަހްމަދު މުހައްމަދުގެ މައްޗަށް ތުހުމަތުކުރެވުނު މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން 18 ނޮވެމްބަރު 2010 ގައި އަހްމަދު މުހައްމަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އޭނާގެ ހަށިގަނޑާއި ތަކެތި ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާގެ ސޮނީ އެރިކްސަން މޮބައިލް ފޯނުން ފެނުނު 17 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ އަކީ 2010 ގެ ނޮވެމްބަރު މަހުގެ ކުރީކޮޅު ދުވަހެއްގެ 21:00 އެހާއިރު އެ ކުއްޖާގެ ކޮޓަރިއަށް އަހްމަދު މުހައްމަދު ވަދެ އަނިޔާކޮށް ބިރުދައްކައިގެން ނަގާފައިވާ ވީޑިއޯތަކަކާއި ފޮޓޯތަކެއް ކަމަށް އެ ކުއްޖާ ބުނެފައިވެއެވެ. އެ މައްސަލައިގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރާމީހުންނާމެދު ޚާއްސަ އުސޫލަކުން އަމަލުކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގެ (ހ) އާއި (ނ) ގެ ދަށުން އަހްމަދު މުހައްމަދުގެ މައްޗަށް ދައުވާކޮށްފައިވަނީ ކުޑަކުއްޖަކު މެދުވެރިކޮށް އޮރިޔާންކާޑު އުފެއްދުމުގެ ކުށުގެ ދައުވާއެވެ. އެ ދައުވާ ސާބިތުކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހުށަހަޅާފައިވާ އެއް ހެއްކަކީ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ތައްޔާރުކޮށްފައިވާ އަހްމަދު މުހައްމަދުގެ އަތުން ފެނުނު އަދި އޮރިޔާން މަންޒަރު ރައްކާކޮށްފައިހުރި ފޯނުގެ ޑިޖިޓަލް އެވިޑެންސް އެނެލިސިސް ރިޕޯޓެވެ. އެ ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ހަވާލާ ދެވުނު ޑިޖިޓަލް އެވިޑެންސް އެނެލިސިސް ރިޕޯޓުގައި ހިމެނޭ މޮބައިލް ފޯނާ ގުޅޭ ޗެއިން އޮފަ ކަސްޓަޑީ ފޯމު އެ މައްސަލައާއި ގުޅިގެން ކޯޓަށް ހުށަހެޅިފައިނުވާތީ އެ ލިޔުންތައް ހުށަހެޅުމަށް ހައިކޯޓުގެ ޝަރިއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައުލަތުގެ ވަކީލަށް އެންގުމުން ޗެއިން އޮފް ކަސްޓަޑީ ފޯމު ލިބިފައިނުވާ ކަމަށް ބުނެފައިވާ ކަމަށާއި، ހެކި ހޯދައި ނަގުލުކޮށްފައިވަނީ އިޖުރާއީ ގޮތުން އެކަމަށް ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރެވެން ނެތުމާއެކު އެ ހެކީގެ މައްޗަށް އިތުބާރު ދެވެން ނެތް ކަމަށެވެ. އަދި ޑިޖިޓަލް އެވިޑެންސް ރިޕޯޓާމެދު ގިނަގުނަ ސުވާލުތަކެއް އުފައްދާފައިވަނިކޮށް އެ ރިޕޯޓު ތައްޔާރުކުރި ފަރާތްތައް ހާޒިރުނުކޮށް މައްސަލަ ނިންމާފައި ވުމާއި އަނިޔާލިބުނު ކުއްޖާއަކީ ފޮޓޯ އަދި ވީޑިއޯ އިން ފެންނަ ކުއްޖާތޯ ޝަރިއަތުން އެއްވެސް ވަރަކަށް ކަށަވަރުނުކޮށް ހަމަ އެކަނި ދައުލަތުން ހުށަހެޅި ފޮޓޯ އަދި ވީޑިއޯ އެއީ ހެއްކެއް ކަމަށް ބަލައިގެން ދަށުކޯޓުން ހުކުމްކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.

96HN15މަތީގައި މި ފާހަގަކުރި ގަޒިއްޔާތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކުން އެނގެނީ ތަހުގީގު މަރުހަލާގައި ތަހުގީގީ އިދާރާއިން ނަގާފައިވާ ހެކިންގެ ބަޔާންތަކާއި ތަހުގީގުން އެއްކޮށްފައިވާ އެހެނިހެން ކިތާބީ ހެކިތަކާއި ރިޕޯޓުތަކަކީ ޕްރޮސިކިއުޝަނުން ކޯޓަށް ފޮނުވާފައިވާ ތަކެތި ކަމަށް ވިޔަސް ހެކީގެ ގޮތުގައި އެތަކެއްޗަށް އެއްވެސް ބުރަދަނެއް ފަނޑިޔާރަށް ނުވަތަ ފަނޑިޔާރުންނަށް ދެވޭނީ އެތަކެއްޗަކީ ޝަރިއަތްކުރުމުގެ ގަވާއިދުތަކުގައި ބަޔާންކޮށްފައިވާ އިޖުރާއަތާ އެއްގޮތަށް ޝަރިއަތަށް ބަލައިގަނެ، ޝަރިއަތުގެ މަޖިލީހުގައި އެތަކެތި ތައާރަފްކުރެވި، (އެޑްމިޓްކުރެވި) އެ ތަކެއްޗާމެދު ދެފަރާތުން މުނާގަޝާކޮށް، ސުވާލުކޮށް، ތައުނުކުރުމުގެ ފުރުސަތު ދައުވާލިބޭ ފަރާތަށް ދީފައިވާ ކިތާބީ ހެކިތަކެއް ކަމަށްވާނަމަ ކަމެވެ.

97އަތުގައި މި އޮތް މައްސަލައިގައި ތަހުގީގަށް ފުލުހުން ނެގި ހެކިންގެ ބަޔާންތައް ޕްރޮސިކިއުޝަނުން ކޯޓަށް ފޮނުވާފައި ހުރި ނަމަވެސް އެ ހެކިވެރިން ކޯޓަށް ހާޒިރުކޮށް އެ ހެކިވެރިންގެ ހެކިބަސް ޝަރިއަތުގެ މަޖިލީހުގައި ނެގިފައި ނުވާ ހިނދު، އެ ހެކިވެރިން ތަހުގީގަށް ދީފައިވާ ބަޔާންތަކާއި، ޕްރޮސިކިއުޝަނުން ކޯޓަށް ފޮނުވާފައިވާ އެހެނިހެން ލިޔުންތަކަކީ ޝަރިއަތުގެ މަޖިލީހުގައި ހެކީގެ ގޮތުގައި ތައާރަފްކޮށް އެ ލިޔުންތަކާމެދު މުނާގަޝާކޮށް އެ ލިޔުންތައް ތައުނުކުރުމުގެ ފުރުސަތު ލިބިފައިވާ ލިޔެކިޔުންތަކެއް ކަމަށް ނުވާތީވެ، އެ ލިޔުންތަކަކީ ހެކީގެ ދަރަޖަ ލިބިގެންވާ ލިޔެކިޔުންތަކެއް ކަމަށް ނުވުމުން، މުޙައްމަދު ސަމާޙުގެ ބަޔާނުން ހާމަވާކަންކަން ކޮރޮބޮރޭޓްކުރެވޭ ހެކިތަކެއް ކަމަށް ބެލުމަށް އެ ލިޔުންތައް ނުފުދެއެވެ. އަދި އެގޮތަށް ފަނޑިޔާރުން އެ ލިޔުންތަކަށް ރިއާޔަތްކުރިކުރުމަކީ ރަނގަޅު ގޮތެއް ނޫނެވެ.

ބާލިޣުނުވާ ވާރިސުންގެ ބަސް

98މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ އޭނާ ސައްހަ އިއުތިރާފެއް ވެފައިވާ ކަމަށް ބެލެވިއްޖެ ހާލަތެއްގައި، ބަދަލު ހުށަހެޅުމެއްގެ ގޮތުގައި އޭނާ ސުޕްރީމް ކޯޓަށް ހުށަހަޅާ ނުކުތާއަކީ، އޭނާގެ މައްޗަށް މަރުގެ އަދަބު ކަނޑައަޅާފައިވާ އަސާސެއް ކަމުގައި ބެލެވުނު ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމް އަޙްމަދު 44 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުކަމުގައިވާ، ހަމައެކަނި ބާލިއުވެފައިވާ ވާރިސުން މަރުގެ ދިޔައާމެދު ބުނާ ބަހުގެ މައްޗަށް ބިނާކޮށް މަރުގެ އަދަބު ކަނޑައެޅުމުގެ އުސޫލަކީ ގާނޫނު ނަންބަރު 1/66 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 88.މ (ރ) އާއި ގާނޫނުއަސާސީގެ

274.މ (ހ) އަދި 59.މ (ހ) ގެ ރޫހާއި އިސްލާމީ ޝަރިއަތުގެ މަގްސަދުތަކާއި ޚިލާފުވުމުގެ ސަބަބުން ކުށެއްޖެހިފައިވާ ނިންމުމަކަށްވާތީ، އެ ނިންމުމާއި ދުރުވާންޖެހޭ ހާލަތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އެ ނިންމުމާއި ދުރުވެފައިނުވާތީވެ، އެ ނިންމުން ބަދަލުކޮށްދިނުން އެދި ހުށަހެޅި ނުކުތާއެވެ.

99އިސްތިއުނާފުކުރާ މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވަނީ ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމް އަޙްމަދު ގަޒިއްޔާގެ ހުކުމުގެ މައްޗަށް ބިނާކޮށް މި މައްސަލައިގައި އޭނާގެ މައްޗަށް ކްރިމިނަލް ކޯޓުން މަރުގެ އަދަބު ކަނޑައަޅާފައިވަނީ މި މައްސަލައިގައި ހިމެނޭ މަގްތޫލްގެ 4 ވާރިސުންގެ ތެރެއިން ހަމައެކަނި ބާލިޣުވެފައިވާ 3 ވާރިސުންގެ ބަހުގެ މައްޗަށް ކަމަށެވެ. މިނުކުތާގެ ތަފްސީލުގައި އޭނާގެ ފަރާތުން ބުނެފައިވަނީ، ސުޕްރީމް ކޯޓުން ނިންމާފައިވާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ހުމާމް އަޙްމަދު ގަޒީއްޔާގެ ހުކުމުގެ ނުކުތާ 6 ގެ 13 ވަނަ ޕޮއިންޓުގައި ފާހަގަކޮށްފައިވާ ފަދައިން ނިޔާވި މީހާގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުއްޖަކު ހުރި ނަމަ، ގިސާސް ހިފުމުގައި ކުއްޖާ ބޮޑުވުމުން އެކުއްޖާގެ ބަސް ހޯދައި ގޮތް ކަނޑައެޅުމަކީ ހަންބަލީ އަދި ޝާފިއީ މަޒުހަބުން ބުރަވާ ގޮތް ކަމަށާއި، އެކުއްޖާގެ ބަހަށް ބެލުމެއް ނެތި ބާލިޣުވެފައިވާ ވާރިސުންގެ ބަހުގެ މައްޗަށް އެކަނި ގޮތް ކަނޑައެޅުމަކީ މާލިކީ މަޒްހަބާއި ހަނަފީ މަޒްހަބު ބުރަވާ ގޮތް ކަމަށެވެ. އެހެންކަމުން މިއީ މަޒުހަބުތަކުގެ މެދުގައި ޚިލާފު އޮތް މައްސަލައެއް ކަމަށްވާތީވެ، ގާނޫނުއަސާސީގެ 274 ވަނަ މާއްދާގައި ބަޔާންވެފައިވާ ފަދައިން މި މައްސަލައަކީ އިސްލާމީ ޝަރިއަތުގެ ސުންނަތް ޖަމާއަތުގެ 4 މަޒުހަބު އިއްތިފާގުވާ މައްސަލައެއް ކަމަށް ނުވާތީވެ، މިކަމުގައި ރާއްޖޭގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިފައިވާ ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވެއެވެ.

100މި ނުކުތާގެ ރައްދުގައި ޕްރޮސިކިއުޝަނުން ބުނެފައިވަނީ، މަރުގެ މައްސަލަތަކުގައި ގިސާސް ހިފުމާއި ނުހިފުމުގެ ހައްގަކީ ވާރިސުންނަށް ލިބިދޭ ހައްގެއް ކަމަށާއި، މިކަން އަލް އިސްރާ ސޫރަތުގެ 33 ވަނަ އާޔަތުން އެނގޭ ކަމަށެވެ. އަދި ގިސާސް ހިފަން އެންމެ ވާރިސަކު ވިޔަސް ބޭނުން ނުވާނަމަ، އެހާލަތުގައި ގާތިލުގެ ކިބައިން ގިސާސް ނުހިފޭނެކަމަށެވެ. މަގުތޫލުގެ ވާރިސުންގެ ގޮތުގައި ތިބީ މުޅީންވެސް ބާލިޣުވެ ބުއްދިފުރިހަމަވެފައިވާ މީހުންނަމަ މިނުކުތާގައި އިތުރަށް ބަލަންޖެހޭކަމެއްނެތް ކަމަށާއި، އެމީހުންގެ ބަހުގެ މައްޗަށް ގޮތެއް ނިންމިދާނެ ކަމަށާއި، ނަމަވެސް މި މައްސަލާގައި ދިމާވެފައި މިވާ ފަދައިން، މަރުވެފައިވާ މީހާގެ ވާރިސުންގެ ތެރޭގައި ކުޑަކުދިން ހިމެނޭނަމަ އަމަލުކުރާނ ގޮތާއި މެދުގައި އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަމަށެވެ. ޕްރޮސިކިއުޝަނުގެ ބަހުން، މިބަޙުސް ފެށޭ ހިސާބަކީ ފުރަތަމައަށް، ގަތުލުކުރެވުނު މީހާގެ ވާރިސުންގެ ގޮތުގައި ގިނަ މީހުން ތިބިނަމަ، ގިސާސް ހިފުމުގެ ޙައްގުލިބެނީ އެއިން ކޮންމެ ވާރިސަކަށް މުސްތަގިއްލު ޙައްޤެއްގެ ގޮތެއްގައި ހެއްޔެވެ؟ ނުވަތަ އެއީ ހުރިހާ ވާރިސުން ބައިވެރިވާ އިޝްތިރާކީ ޙައްޤެއް ހެއްޔެވެ؟ މި ސުވާލުތަކާ ހިސާބުންނެވެ.

101ދެވަނަ ކަމަކަށް؛ އިމާމް އަބޫ ޙަނީފާއާއި އިމާމް މާލިކުގެ ރައުޔަކީ ކޮންމެ ވާރިސަކަށްވެސް މިޙައްގު ލިބެނީ މުސްތަގިއްލު އަދި ފުރިހަމަ ޙައްޤެއްގެ ގޮތުގައެވެ. އެ ޙައްގު ފެށިގެން އަންނަނީ މީހާ މަރާލެވުނު ވަގުތުން ފެށިގެންނެވެ. ގަތުލުގައި ގިސާސްގެ ބޭނުމަކީ ލިބުނު އަނިޔާގެ ބަދަލުލިބި އެކަމުގެ ހިތްހަމަޖެހުން ލިބުން (އައްތަޝައްފީ) އެވެ. މިއީ މައްޔިތާއަށް ކުރެވޭނެ ކަމެއް ނޫނެވެ. އަދި ގިސާސްގެ ހައްގަކީ ބައިކުރެވޭނެ އެއްޗެއްނޫނެވެ. ބައިނުކުރެވޭ ޙައްޤެއް ޖަމާއަތަކަށް ލިބިއްޖެނަމަ، ލިބޭނީ ކޮންމެ މީހަކަށްވެސް ފުރިހަމަ ޙައްޤެއްގެ ގޮތުގައެވެ. އޭނާއާއެކު އެހެން މީހަކު ނެތްފަދައިންނެވެ. ޝާފިޢީންނާއި ޙަންބަލީންނާއި ހަނަފީންކުރެ އަބޫ ޔޫސުފާއި މުޙައްމަދުގެ ރައުޔަކީ ގިސާސް ހިފުމުގެ ޙައްގުލިބެނީ އެންމެން ބައިވެރިވެ އިޝްތިރާކުވާ ހައްގެއްގެ ގޮތުގައެވެ. އެހެނީ ގިސާސް ހިފުމުގެ ހަގީގީ ހައްގުވެރިއަކީ މަރުވި މީހާއެވެ. އޭނާ މަރުވުމުން އޭނާ އަމިއްލަ ނަފްސަށް މިހައްގުގެ ބޭނުން ހިފުމަށް ނުކުޅެދިފައިވާތީ، ވާރިސުން އޭނާގެ މަގާމަށް އަންނަނީއެވެ. އެހައްގު ލިބޭނީ އެންމެން ބައިވެރިވާ ހައްގެއްގެ ގޮތުގައެވެ. އޭނާ މަރުވުމުން އޭނާގެ ވާރުތަމުދާ ވެސް ވާރިސުންނަށް ލިބޭ ގޮތުގެ މަތީންނެވެ. ތިންވަނަ ކަމަކަށް؛ މިއިޚްތިލާފުގެ ނަތީޖާ އަކީ ވާރުތަވެރިންގެ ތެރޭގައި ކުޑަކުދިންނާއި މޮޔައިންނާއި ރަށުގައި ނެތް މީހުން ތިބި ނަމަ އެ މީހުން ބޮޑުވަންދެން ނުވަތަ އެނބުރި އަންނަންދެން ނުވަތަ ހޭބުއްދިޖެހެންދެން މަޑުކުރަން ޖެހޭނެތޯ ނުވަތަ ނޫންތޯ ނިންމުމުގައި ޚިލާފު އުފެދުމެވެ. ފުރަތަމަ ރައުޔަށް ބަލާއިރު، އިމާމް އަބޫޙަނީފާ އާއި އިމާމް މާލިކުގެ ރައުޔުގައި (ގިސާސަކީ ކޮންމެ މީހަކަށް މުސްތަގިއްލުކޮށް ފުރިހަމައަށްލިބޭ ހައްގެއް ކަމަށް ބަލާއިރު) ކުޑަކުދިން ބޮޑުވަންދެން ނުވަތަ މޮޔައިން ހޭޖެހެންދެން މަޑުކުރާކަށް ނުޖެހެއެވެ. ބޮޑުމީހުންނާއި ހޭބުއްދިޖެހޭ މީހުން ގިސާސާމެދު ބުނާ ބަހުގެ މައްޗަށް ބަލައި ގޮތެއް ނިންމިދާނެއެވެ. އެހެނަސް ޣާއިބުގައިވާ މީހާ ހާޒިރުވެ ބަސް ބުނުމުގެ ފުރުސަތު ދޭންވާނެއެވެ. އެހެނީ އޭނާ މާފުދިނުމަކީވެސް އިޙްތިމާލު އޮތް ކަމަކަށް ވާތީއެވެ.

102ޕްރޮސިކިއުޝަނުގެ ބަހުން އިމާމް ޝާފިޢީ އާއި އިމާމް އަޙްމަދުގެ ރައުޔުގައި (ގިސާސް އަކީ އިޝްތިރާކު ހައްގެއްކަމަށް ބަލާއިރު) ކުޑަކުއްޖާ ބޮޑުވަންދެން އަދި މޮޔަމީހާ ހޭޖެހެންދެން އަދި ދުރުގައިވާ މީހާ އަންނަންދެން މަޑުކުރަން ޖެހޭނެއެވެ. ހޭބުއްދިޖެހޭ ބޮޑެތި މީހުންނަށް މުސްތަގިއްލު ގޮތެއްގައި އެކަމުގައި ގޮތެއް ނުނިންމޭނެއެވެ. މިހާލަތުގައި މި މީހުންގެ ބަސް ނެގެންދެން ގާތިލް ބަންދުކޮށްފައި ބަހައްޓަންޖެހެއެވެ. މިބައިމީހުންގެ ރައުޔަށް ތާއީދު ލިބޭ ކަންކަމުގެ ތެރޭގައި އަލީގެފާނުގެ ގާތިލްގެ ކިބައިން ޙަސަންގެފާނު ގިސާސް ހިތްޕެވުން ހިމެނެއެވެ. އަލީގެފާނުގެ ވާރިސުންގެ ތެރޭގައި ބާލިޣުނުވާ ކުޑަކުދިން ހިމެނެއެވެ.

103މަތީގައި މިބަޔާންކުރި ކަންކަމަށް ބެލުމުން އެނގިގެންދަނީ، މަގުތޫލުގެ ވާރިސުންގެ ތެރޭގައި ކުޑަކުދިން ތިބޭ ހާލަތުގައި އެކުދިންގެ ބަސް ނެގުމެއްނެތި ހަމައެކަނި ބޮޑެތި މީހުންގެ ބަހުގެ މައްޗަށް ގޮތެއް ނިންމުމާމެދު އިލްމުވެރިންގެ މެދުގައި ދެ ރައުޔެއް އޮތްކަމެވެ. އަބޫޙަނީފާއާ މާލިކުގެ ރައުޔުގައި ބޮޑެތި މީހުންގެ ބަހުގެ މައްޗަށް ގޮތެއް ނިންމިދާނެއެވެ. ޙަންބަލީ މަޒުހަބާ ޝާފިޢީ މަޒުހަބުގައިވާ ގޮތުން، ގޮތެއް ނިންމަންވާނީ އެކުދިން ބޮޑުވެ އެކުދިންގެ ބަހެއް ލިބިގެންނެވެ.

104އިތުރަށް ޕްރޮސިކިއުޝަނުން ބުނެފައިވަނީ މިނުކުތާއަކީ މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމާފައިވާ ނުކުތާއެއް ކަމަށާއި، އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ޙުމާމް އަޙްމަދު ގަޒިއްޔާގެ ހުކުމުގެ ޚުލާސާގެ 13 ވަނަ ނުކުތާގައި (19 އާއި 20 ވަނަ ސަފްހާގައި) ސުޕްރީމް ކޯޓުން ވަނީ މި ކަމުގައި ގޮތެއް ނިންމާފައި ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ނިންމުމުގެ ޚުލާސާއަކީ މަގުތޫލުގެ ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނޭ ހާލަތުގައި ޝާފިޢީންނާއި ޙަންބަލީންގެ ރައުޔުގައި ކުޑަކުއްޖާ ބޮޑުވަންދެން އިންތިޒާރުކުރަންޖެހުން ކަމަށްވިޔަސް ވާރިސުންގެ ތެރެއިން ބާލިޣުވެ ތަސައްރުފު ފުދިފައިވާ މީހުން ގިސާސް ހިފަން އެދޭ އެދުމާ ގުޅިގެން ގާޒީ އެފަދައިން ޙުކުމްކޮށްފިނަމަ އެ ސަބަބަށްޓަކައި އެޙުކުމް ބާތިލް ނުކުރެވޭނެކަމަށް ޝާފީޢީންނާއި ޙަންބަލީން ބުރަވާ ކަމަށާއި، އަބޫޙަނީފާ އާއި މާލިކުގެ ރައުޔުގައި މަގުތޫލުގެ ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނުނަސް، ވާރިސުންގެ ތެރެއިން ބާލިޣުވެ ތަސައްރުފު ފުދިފައިވާ މީހުންގެ ރައުޔުގެ މައްޗަށް އެކަނި ގިސާސް ހިފުމާމެދު ގޮތެއް ނިންމިދާނެ ކަމެވެ. އެގޮތުން ކުޑަކުއްޖާ ބޮޑުވަންދެން ގިސާސް ހިފުން ފަސްކުރަން ނުޖެހެއެވެ. އެހެންކަމުން މަގުތޫލުގެ ވާރިސުންގެ ތެރޭގައި ކުޑަކުއްޖަކު ހިމެނުނަސް، ވާރިސުންގެ ތެރެއިން ބާލިޣުވެ ތަސައްރުފު ފުދިފައިވާ މީހުންގެ ބަހުގެ މައްޗަށް އެކަނި ގިސާސް ހިފުމާމެދު ގޮތެއް ނިންމިދާނެއެވެ.

105އިސްވެދިޔަ ޕެރެގްރާފުގައި އެގޮތަށް ބުނެފައިވީ ނަމަވެސް، އިސްތިއުނާފުގެ މަރުހަލާގައި މައްސަލަ ހިނގްމުންދަނިކޮށް، ނުވަތަ ހުކުމް ތަންފީޒުކުރުމުގެ ކުރީން އެކުއްޖާ ބާލިޣުވެ ތަސައްރުފު ފުދިއްޖެ ނަމަ، އެ ކުއްޖާ ގާތިލުގެ ކިބައިން ގިސާސް ހިފަންބޭނުންވާކަން ނުވަތަ ނޫންކަން އަހަންވާނެއެވެ.

106HN16ކުޑަކުއްޖާ ބޮޑުވަންދެން އިންތިޒާރުކުރަން ޖެހޭކަމަށް ވިދާޅުވަނީ، ޝާފިޢީންނާއި ޙަންބަލީން ކަމަށްވާއިރު، އެބޭކަލުންގެ ނަޒަރުގައިވެސް، ވާރިސުންގެ ތެރެއިން ބާލިޣުވެ ތަސައްރުފު ފުދިފައިވާ މީހުން ގިސާސް ހިފަން އެދޭ އެދުމާ ގުޅިގެން ގާޒީ އެ ފަދައިން ޙުކުމްކޮށްފިނަމަ އެ ސަބަބަށްޓަކައި އެޙުކުމް ބާތިލް ނުކުރެވޭނެކަމަށް ބުރަވާތީ އާއި މި މައްސަލާގައި އާދަމް ޙަލީމްގެ މަންމައާއި ބައްޕައާއި އަނބިމީހާ ގިސާސް ހިފަން ބޭނުންވާތީ އާއި، ހައިކޯޓުގެ ފަނޑިޔާރުންވެސ ގިސާސް ހިފަން ޙުކުމްކޮށްފައިވާތީވެ، މުޙައްމަދު ސަމާޙު އެދޭގޮތަށް، ހަމައެކަނި ކުޑަކުއްޖާގެ ބަހެއް ހޯދާފައި ނެތުމަކީ، މި މައްސަލައިގެ ޙުކުމް ބާތިލުކުރަންޖެހޭ ސަބަބެއް ކަމަށް ނުދެކެމެވެ. ވީމާ، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. ޙުސައިން ޙުމާމް އަޙްމަދު ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަކީ އިސްލާމީ ޝަރިއާތާ ޚިލާފު ނިންމުމަކަށްވެގެން، މި ނިންމުމާ ދުރުވާންޖެހޭ ސަބަބެއް އޮތްކަމަށް ނުދެކެމެވެ. އަދި މިބާވަތު މައްސަލަތަކުގައި އިސްލާމީ ޝަރީއަތ ޚިލާފުވޭތޯ ބެލުމުގައި ގިރާކުރަންޖެހޭ އޮޅިގަނޑަކީ ގަތަޢީ ދަލީލަކާ އެ ހުށަހެޅޭކަމެއް ނުވަތަ އަމުރެއް ޚިލާފުވޭތޯ ބެލުންކަމަށް ވާއިރު، މި މިންވަރަށް މުހައްމަދު ސަމާހުގެ ފަރާތުން ފާހަގަކުރި ކަންކަން ބުނެދެވިފައި ނުވެއެވެ.

ނިންމަން ފެންނަ ގޮތް

107މި މައްސަލައިގައި މުޙައްމަދު ސަމާޙުއަށް އަނިޔާކުރިކަން އެނގޭނޭ ހެކިންތިބިކަމަށާއި އެ ހެކިން ޝަރިއަތުގެ މަޖިލީހަށް ހާޒިރުކުރަން އެދޭކަމަށް ކްރިމިނަލް ކޯޓުގައާއި ހައިކޯޓުގައި މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވާތީވެ، އެފަދަ ހެކިން ތިބިނަމަ އެހެކިން ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަޖިލީހަށް ހާޒިރުކުރުމުގެ ފުރުސަތު މުޙައްމަދު ސަމާޙުއަށް ދިނުމަށާއި، މުޙައްމަދު ސަމާޙުގެ ބަޔާނުގެ ބޭރުން އެހެނިހެން މިނިވަން މުސްތަގިއްލު ހެއްކާއި ގަރީނާ ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް ފުރުސަތު ދިނުމާއެކު މިމައްސަލާގައި ގޮތެއް ކަނޑައެޅުމަށްޓަކައި މި މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލުކުރަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

108މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

109މި މައްސަލައިގައި ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރުމާއެކު، ފުލުހުންގެ ފަރާތުން މުޙައްމަދު ސަމާޙުއަށް އަނިޔާކުރިކަމަށް ބުނެ އޭނާ ހުށަހަޅާފައިވާ ހުށަހެޅުމާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ބަލައި، ފުލުހުންގެ ފަރާތުން ކުރިކަމަށްބުނާ އަމަލުތަކުގެ ސަބަބުން އޭނާގެ ފަރާތުން ދީފައިވާ ބަޔާން ކޯޓުގައި ބޭނުންކުރުމުގައި ހުރަހެއް އޮތްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންޖެހޭކަމުގައި އަހުރެން ދެކެމެވެ.

110ބައިނަލްއަޤްވާމީ އެކި މުޢާހަދާތަކުގައި އެއްވެސް މީހަކަށް އަނިޔާކޮށްގެން ނުވަތަ ރަހުމުކުޑަ، ލާއިންސާނީ، އިހާނެތިކަމެއްކޮށްގެން ނުވާނެ ކަމުގައާއި އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބެއް ދީގެން ނުވާނެކަމުގައި ބަޔާންކޮށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި އެ ކަން ބިންވަޅު ނަގާ، އެފަދަ އަމަލުތަކުން މީހުން ރައްކާތެރިކޮށްދީފައިވަނީ، އަދި ހަމަ އެފަދައިން، މީހަކަށް މަޖުބޫރުކޮށްގެން ބަޔާން ހޯދުމާއި، ޤާނޫނާ ޚިލާފަށް ހެކި ހޯދުން ހުރިހާ ފަރާތްތަކަކަށް މަނާކޮށް، އެގޮތަށް ހޯދާ ބަޔާންތަކާއި ހެކި ޝަރީޢަތަށް ޤަބޫލުކޮށްގެން ނުވާނެކަމުގައި ކަނޑައަޅާފައިވަނީ ސަބަބެއް ނެތިއެއް ނޫނެވެ. އަދި ޓޯޗަރކުރުން މަނާކުރުމާއި ހުއްޓުވުމާއި، ރަޙުމްކުޑަ، ލާއިންސާނީ، އިހާނެތި ޢަމަލު ހިންގުން މަނާކުރުމާއި ހުއްޓުވުމާއި، އިންސާނީ ކަރާމާތް ގެއްލޭފަދަ އަދަބުދިނުން މަނާކުރުމާއި ހުއްޓުވުމާގުޅޭ މައިގަނޑު ސިޔާސަތުތަކާއި އުސޫލުތައް ބަޔާންކޮށް، އެފަދަ އަދަބުދޭ ފަރާތްތަކާއި އެފަދަ ޢަމަލު ހިންގާ ފަރާތްތަކުން ކުރާ ކަންކަމަކީ ކުށްކަމުގައި ކަނޑައަޅައި، އެފަރާތްތަކަށް އަދަބުދިނުމުގެ އުސޫލުތައް ކަނޑައެޅުމުގެ ޤާނޫނެއް އެކުލަވާލާފައިވަނީވެސް ސަބަބެއް ނެތިއެއް ނޫނެވެ.

111ބުނެވުނު ކަންކަމަކީ، އަދި ޤާނޫނުއަސާސީގައި ހިމަނާފައިވާ އެހެނިހެން ޙައްޤުތަކަކީ އިންސާނީ ކަރާމާތް ރައްކާތެރިކޮށް، އެކި މުއައްސަސާތަކަށް ޤާނޫނުން ދީފައިވާ ބާރު ވަކި އިންތަކެއްގައި ހިފެހެއްޓުމަށް މުހިންމު ޙައްޤުތަކެކެވެ. އަދި އެއިގެން ބައެއް ޙައްޤުތަކަކީ ކޮންމެ މީހަކީވެސް އެމީހެއްގެ މައްޗަށް ކުށެއް ކުރިކަން އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ޝަރީޢަތުގައި ސާބިތުނުކުރެވޭ ނަމަ ކުށެއް ނެތް މީހެއް ކަމުގައި ބެލުމުގެ ހައްޤު ނެގެހެއްޓުމަށް މުހިންމު ހައްޤުތަކެކެވެ. އެކަންކަން އެނޫން ގޮތަކަށް އޮންނަނަމަ، ކޮންމެވެސް ތުހުމަތެއްގައި މީހުން ހައްޔަރުކޮށް، ބަންދުގައި ބަހައްޓައި، ތަހުޤީޤުކޮށް، ދައުވާކޮށް އަދި ހުކުމްކުރުމަށް ހުރަހެއް ނުއޮންނާނެއެވެ. އިހުގައި މި ބީދައިން ރާއްޖޭގައި ކަން ހިނގާފައިވާ ކަމަށްވާއިރު، އަސާސީ ހައްޤުތަކާއި މިނަވަންކަންތަކަކީ ކޮބައިކަން ޤާނޫނުއަސާސީގައި ބަޔާންކޮށް، އެ ހައްޤުތަކާއި މިނަވަންކަން ކަށަވަރުކޮށްދިނުމުގެ އިންގިލާބީ ބަދަލު ގެނެސްފައިވަނީ އެފަދައިން ކަންކަން ހިނގުމަށް ތަން ނުދިނުމަށެވެ. އަދި މިފަދައިން ހައްޤުތަކާ ގުޅިގެން ވާހަކަ ދެއްކުމުން ބައެއް ފަރާތްތަކަށް ހައްޤުތަކަކީ ކުށްވެރިން ރައްކާތެރިކޮށްދޭ ހައްޤުތަކެއްގެ ގޮތުގައި ފެނުނު ނަމަވެސް، ހަގީގަތުގައި އެ ހައްގުތަކަކީ ހުރިހާ ފަރުދުންގެ ރައްކާތެރިކަމަށްޓަކައި ޤާނޫނުއަސާސީގައި ހިމެނި، އެއިގެން އެންމެންނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭ ހައްގުތަކެކެވެ.

112މި މައްސަލައަށް ބަލާއިރު، ދަށުކޯޓުގައާއި ހައިކޯޓުގައި އަދި ސުޕްރީމް ކޯޓުގައިވެސް މުޙައްމަދު ސަމާޙުގެ ފަރާތުން އޭނާއަށް އަނިޔާކޮށްފައިވާ ކަމުގައި ބުނެ، އެކަން އެކި މަރުހަލާގެ ފަނޑިޔާރުންގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އެގޮތުން ހައްޔަރު ކުރުމުގައާއި ބަންދުގައި ބެހެއްޓި ބެހެއްޓުމުގައި ފުލުހުން އޭނާއާމެދު އަމަލުކޮށްފައިވާ ގޮތާއި، ހަނުހުރުމުގެ ހައްގުބޭނުން ކުރުމަށްފަހު ވަގުތުކޮޅެއް ފަހުން ވަކީލަކު ނެތި އޭނާ ތަހުޤީޤަށް އިއުތިރާފު ބަޔާންދިން ސަބަބާއި، ބަންދުގެ މުއްދަތު އިތުރުކުރަން ހާޒިރުކުރެވުނު ދުވަހު ކަން ހިނގާދިޔަގޮތް ފަދަ ތަފްސީލުތައް މުޙައްމަދު ސަމާޙުގެ ފަރާތުން ޝަރީޢަތުގައި ހިއްސާކޮށްފައިވާކަން ފާހަގަވެއެވެ. އަދި މިއިން ބައެއް ކަންކަމަކީ ޕްރޮސެކިއުޝަންއިން އެކަން ހިނގާފައި ވަނީ އެފަދައިން ކަމާމެދު އިންކާރުކޮށްފައިވާ ކަންކަން ކަމުގައި ނުވާ ނަމަވެސް، އަދި މުޙައްމަދު ސަމާޙާއި މެދު ކަން ކުރިގޮތް ސާބިތުކޮށްދިނުމަށް ހެކިން ހާޒިރުކުރުމަށް މުޙައްމަދު ސަމާޙު އެދިފައިވާކަން ލިޔެކިޔުމުން ފެންނަން އޮވެ، މުޙައްމަދު ސަމާޙަށް އެ ފުރުސަތު ދީފައި ނުވާހިނދު، ފުލުހުންގެ ފަރާތުން މުޙައްމަދު ސަމާޙުއަށް އަނިޔާކުރިކަން އޭނާއަށް ސާބިތުކޮށްދެވިފައި ނުވާކަމާއި، އަނިޔާކުރިކަމަށް ބުނެ އެކަމުގެ ޝަކުވާއެއް މުޙައްމަދު ސަމާޙުގެ ފަރާތުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނަށް ނުވަތަ ހިއުމަން ރައިޓްސް ކޮމިޝަން ފަދަ ތަނަކަށް ހުށަހަޅާފައި ނެތް ކަން ކްރިމިނަލް ކޯޓާއި ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވެއެވެ.

113ދަށު ކޯޓާއި ހައިކޯޓުން ބުނެވުނު ފަދައިން ފާހަގަކޮށްފައިވާ ހިނދު، ޤާނޫނުއަސާސީއާ އެއްގޮތަށް ޢަމަލުކުރުމާއި، (ޤާނޫނުއަސާސީގެ) އަސާސީ ހައްޤުތަކާއި މިނަވަންކަމާބެހޭ ބާބު ގައި ބަޔާންވެގެންވާ ޙައްޤުތަކާއި މިނިވަންކަން ޙިމާޔަތްކޮށް، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއް ކަމުގައިވެފައި، ޤާނޫނުއަސާސީ ޙިމާޔަތްކޮށް، ޤާނޫނު ދެމެހެއްޓުމަކީ ފުލުހުންނަށް ޤާނޫނުއަސާސީއިން މަތިކޮށްފައިވާ މަސްއޫލިއްޔަތެއް އަދި ވާޖިބެއް ކަމުގައި ވާތީއާއި، ފުލުހުން މަސައްކަތް ކުރާންވާނީ އަދި ހުރިހައި ކަމެއް ހިންގާންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން ކަމުގައި ވާތީއާއި، ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި، ޤާނޫނާއި، އެންމެހައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަން ނެގެހެއްޓުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެއް ކަމުގައިވާތީއާއި، ފަނޑިޔާރުން ޢަމަލުކުރާންޖެހެނީ ޤާނޫނުއަސާސީ އާއި ޤާނޫނަށް ކަމުގައިވާތީ، ކުށެއްގެ ތުހުމަތުގައި ބަންދުކޮށްފައިވާ މީހަކާމެދު އަނިޔާގެ އަމަލުތަކެއް ހިނގައިފި ކަމުގައި ނުވަތަ އަނިޔާވެރި ލާއިންސާނީ އަމަލެއް ހިނގާފައިވާކަމަށް ކަމާބެހޭ ފަރާތްތަކަށް ބެލެވޭފަދަ ސަބަބުތަކެއް ހުރިނަމަ، 64 ނުވަތަ އޭނާއަށް ލިބިދޭންޖެހޭ ހައްގެއް ލިބިދީފައި ނުވާކަމުގައި ބުނާނަމަ، ކަރުދާހުން ފެންނަން އޮތް ގޮތުގައި އެކަން ކޮށްފައިއޮތީ ރަނގަޅަށްކަން ނުވަތަ ނޫންކަން ބެލުމުގެ އިތުރުން، ހަމަ ހަގީގަތުގައިވެސް ކަން ހިނގާފައިވަނީ ނުވަތަ އެ ޙައްޤެއް ލިބިދީފައިވަނީ ކިހިނެއްކަން ބަލައި، ނުރަނގަޅު ގޮތަކަށް ނުވަތަ އުސޫލުން ބޭރުން ނުވަތަ ޙައްގު ލިބިދިން ކަމުގައިވީނަމަވެސް އެ ޙައްޤުގެ ބޭނުން ނުހިފޭ ބީދައަކުން ކަން ހިނގާފައިވާނަމަ، ލަސްވުމެއް ނެތި އެކަށިގެންވާ ތަޙްޤީޤެއް ހިންގުމަކީ ދައުލަތުގެ ޒިންމާއެކެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ފައުޅުވާ އަނިޔާއާ ގުޅޭ ކަންކަމާގުޅޭ އެކަށޭނެ ފިޔަވަޅު އެޅުމަކީ ފުލުހުންގެ، ޕްރޮސެކިއުޓަރ ޖެނެރަލްގެ އަދި ފަނޑިޔާރުންނަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާއެކެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

114މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

115މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، އިސްތިއުނާފު ކުރެވުނު ހައިކޯޓުގެ ހުކުމާއި ، އެހުކުމް ބިނާވާ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލްކޮށް، މި މައްސަލައިގައި މުޙައްމަދު ސަމާޙުއަށް އަނިޔާކުރިކަން އެނގޭނޭ ހެކިންތިބިކަމަށާއި އެ ހެކިން ޝަރިއަތުގެ މަޖިލީހަށް ހާޒިރުކުރަން އެދޭކަމަށް ކްރިމިނަލް ކޯޓުގައާއި ހައިކޯޓުގައި މުޙައްމަދު ސަމާޙުގެ ފަރާތުން ބުނެފައިވާތީވެ، އެފަދަ ހެކިން ތިބިނަމަ އެހެކިން ކްރިމިނަލް ކޯޓުގެ ޝަރިއަތުގެ މަޖިލީހަށް ހާޒިރުކުރުމުގެ ފުރުސަތު މުޙައްމަދު ސަމާޙުއަށް ދިނުމަށް ކްރިމިނަލް ކޯޓަށް އަންގައި، މި Blanco Abad v Spain (1998), op. cit., §8.2؛ Ltaief v Tunisia (2003), op. cit., §10.5 2018/HC-JC/43 498/Cr-C/2012 މައްސަލައިގައި މުޙައްމަދު ސަމާޙުގެ ބަޔާނުގެ އިތުރުން، މިނިވަން މުސްތަގިއްލު ހެއްކާއި ގަރީނާ ހުށަހެޅުމަށް ޕްރޮސިކިއުޝަނަށް ފުރުސަތު ދިނުމަށްފަހު މި މައްސަލައިގައި ކްރިމިނަލް ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި ސުޕްރީމް ކޯޓުގެ ނަންބަރު 2023/SC-A/04 ގަޒިއްޔާގެ ހުކުމާ ހަވާލާދީ މި މައްސަލަ ކްރިމިނަލް ކޯޓަށް ތަޙްވީލުކުރުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ހުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ތަޝްރީއު ޖިނާއީ 2، އަބްދުލް ގާދިރު އައުދާ، ސަފްހާ: 32، 33.
  2. وَهَبَةَ الرُّحَيْلِيِّ، الْفِقْهُ الْإِسْلامِيُّ وَأَدَلَّتُهُ: މުޖައްލަދު 6، ދާރުލް ފިކްރު/ދެވަނަ ޗާޕް 1985 ސަފްހާ: 6, 231-228
  3. 2016/SC-JC/07
  4. 2018/HC-JC/04
  5. 2016/HC-A/72
  6. Ibn Asir, Jami'a al-usul, Vol.4, 136; Sunan Abu-Dawud, Book 33: No 4389
  7. Ibid.
  8. ޙުސްނުއްސުޢޫދު، "އިސްލާމީ ޝަރިއަތުގެ ހެއްކާބެހޭ އުސޫލުތައް - ދިވެހިރާއްޖޭގައި ތަތުބީގުކުރާ ގޮތްތައް"، މޯލްޑިވްސް ލޯ އިންސްޓިޓިއުޓް، މާލެ، 2021، ސ. 882-162
  9. 2012/HC-A/116
  10. ޞަޙީހް އަލް ބުޚާރީ، ކިތާބް އަލް ހުދޫތް، ހަދީސް ނަންބަރު 6824
  11. ޞަޙީހް އަލް ބުޚާރީ، ކިތާބް އަލް ހުދޫތް، ހަދީސް ނަންބަރު 1695.
  12. Hamid Jusoh, Islamic Law of Evidence: Sources and Its Applicability with Special Reference to the Practice in Malaysia and Pakistan (Selangor, 2001), Vol.1, 367.
  13. San'ani, Muhammad ibn Ismai'il, Subul al-salam, Vol. 4, 78.
  14. Sunan Ibn Majah 2545.
  15. ކީރިތި ރަސޫލާގެ އަރިހަށް އައިސް އަމިއްލައަށް ޒިނޭއަށް އިއުތިރާފުވި އަސްހާބު ބޭކަލެއް.
  16. Al-Bukhari, Hadith No. 6438
  17. Al-Shawkani, Nayl al-Awtar, Beirut: Dar al-Jil, 1973), 7:118.
  18. ގާނޫނު ނަންބަރު 11/2022
  19. 2011/SC-A/23
  20. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޙަސަން އަބްދުﷲ، އާއި އިތުރު 5 ފަރާތެއް 2011/SC-A/23 ގައި ގާނޫނުއަސާސީގެ 52 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތް.
  21. އރމ 26
  22. އރމ 26
  23. ގާނޫނު ނަންބަރު 11/2022
  24. އބމ 26
  25. އިބިމި 33
  26. ގާނޫނު ނަންބަރު 11/2022 ގެ މ.84 (ށ) އަދި މ.85.
  27. އިބިމި 33
  28. 2014/SC-A/18 (ނިމުނު ތާރީޚް 25 ޖޫން 2020)
  29. ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 1204 ވަނަ މާއްދާގެ (ށ).
  30. 2011/SC-A/31
  31. 2008/HC-A/80
  32. 2011/HC-A/142
  33. 2017/HC-A/284
  34. އިބަމ 33
  35. އިބަމ 33
  36. وَهَبَةَ الرُّحْنِيّ، الْفِقَّةُ الْإِسْلامِيُّ وَأَذَلِكُهُ: މުޖައްލަދު 6، ދާރުލް ފިކްރު/ދެވަނަ ޗާޕް 1985 ސަފްހާ: 280-278
  37. އިބަމ.
  38. މަތީގައި ހަވާލާ ދީފައި.
  39. މިބާވަތުގެ މައްސަލަތަކުގައި މިހަމަ އިސްލާމީ އެހެން ގައުމުތަކުގައި ވެސް ދަމަހައްޓަމުން ދެއެވެ. މީގެތެރޭގައި މެލޭޝިޔާ އާއި މިސްރާއި އަދި ޕާކިސްތާނު ހިމެނެއެވެ. މިކަން މެލޭޝިޔާގެ ފެޑްރަލް ކޯޓުގެ Che Omar Che Soh v.PP [1988] 2MLJ 55 ޤަސިއްޔާ އިންނާއި މިސްރުގެ ކޮންސްޓިއުޓަނަލް ކޯޓުގެ Case no 8 of Judicial Year 17 (May,18 1996)، Case No. 29 of Judicial Year 11 (March,26 1994) މި ދެޤަސިއްޔާ އިން އަދި ފާކިސްތާނުގެ ސުޕްރީމް ކޯޓުގެ Federation of Pakistan of Pakistan v. Public at large [PLD 1986 SC 240] ޤަސިއްޔާ ބެލުމުން އެނގެއެވެ.
  40. ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ؛ ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013) ގެ 5 ވަނަ މާއްދާ؛ އަދި Article 15, Convention Against Torture; CAT, General Comment No. 2, §§3, 6; P.E. v France, CAT Communication No. 193/2001, 21 November 2002; CAT, Concluding Observations on the UK, UN Doc. A/54/44, 1999, §76(d); CAT, Concluding Observations on Zambia, UN Doc. A/57/44, 2002, §3(b)(iii).
  41. Article 7, International Covenant on Civil and Political Rights; Article 1, Convention Against Torture ޤާނޫނުއަސާސީގެ 54 ވަނަ މާއްދާ؛ ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013) ގެ 16 ވަނަ މާއްދާ
  42. ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ؛ ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯޗަރ ޤާނޫނު 2013) ގެ 5 ވަނަ މާއްދާ
  43. ޤާނޫނު ނަންބަރު 13/2013 (އެންޓި ޓޯރަރ ޤާނޫނު 2013)
  44. ޤާނޫނުއަސާސީގެ 45، 46، 47، 48، 49، 50، 51، 52، 53، 54، 56، 57، 59، 60 ވަނަ މާއްދާ
  45. ޤާނޫނުއަސާސީގެ 51 ވަނަ މާއްދާގެ (އ)
  46. ޤާނޫނުއަސާސީގެ 18 ވަނަ މާއްދާ
  47. ޤާނޫނުއަސާސީގެ 237 ވަނަ މާއްދާ
  48. ޤާނޫނުއަސާސީގެ 238 ވަނަ މާއްދާ
  49. ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ހ)
  50. ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ
  51. Parot v Spain, CAT Communication No. 6/1990, 2 May 1995, §10.4; Blanco Abad v Spain, CAT Communication No. 59/1996, 14 May 1998, §8.6; Ltaief v Tunisia, CAT Communication No. 189/2001, 14 November 2003, §10.6
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ