ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/26ސުޕްރީމް ކޯޓު · 18 ނޮވެމްބަރު 2020

—

ސުޕްރީމް ކޯޓު
28 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 18 ނޮވެމްބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2017/SC-A/26

އިސްތިއުނާފު ކުރާ ފަރާތް:

މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-374/1996)

އިސްތިއުނާފު ރައްދުވާ ފަރާތް:

ސަޢީދާ މޫސާ، (ދ.ރ އަންގައިދޭ ކާޑު ނަންބަރު

މައްސަލައިގެ ބާވަތް:

ޙުކުމް ތަންފީޒުކުރުން

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

26 ފެބްރުއަރީ 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:

12 އޮކްޓޯބަރ 2017ނިމުނު ތާރީޚު:

18 ނޮވެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2015/HC-A/311

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

01 ސެޕްޓެމްބަރ 2015ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

28 ނޮވެމްބަރ 2016

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން (ކުންފުނި ރަޖިސްޓްރީ ނަންބަރު C-374/1996) ގ. ފިލާވެލި، ސަޢީދާ މޫސާ (ދ.ރ. އަންގައިދޭ ކާޑު ނަންބަރު އަށް 101,966/58ރ. (އެއްލައްކަ އެއްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް އަށް ލާރި) ނަގައިދިނުމަށާއި، ގ. ފިލާވެލި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ގުދަނުގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ބަހައްޓާފައިވާ ތަކެއްޗާއި، އެތަނުގައި މީހަކު ހުރިނަމަ، އެމީހަކު ނުވަތަ މީހުން ނެރެ، ތަން ހުސްކުރުމަށްފަހު ސަޢީދާ މޫސާއާ ތަނުގެ ތަޅުދަނޑި ޙަވާލުކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގައި 20 ފެބްރުއަރީ 2014 ގައި ޙުކުމްކުރިއެވެ. ނަމަވެސް ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ޢަމަލުކޮށްފައިނުވާކަމަށް ބުނެ އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމަށް ސަޢީދާ މޫސާގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ސިވިލް ކޯޓުން ބަލައި ނިންމާފައިވަނީ އެ ކޯޓުގެ ނަންބަރު 273/Cv-C/2015 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ސަޢީދާ މޫސާ އެދިފައިވާ ގޮތުގެ މަތިން ގުދަނު ތަޅުދަނޑި ޙަވާލުކުރިކަމަށް ސަޢީދާ މޫސާ ބުނާ ދުވަހާ ހަމައަށް ބަދަލު ލިބިދޭންޖެހޭ ކަމަށް ކަނޑައަޅައެވެ. އަދި ސިވިލް ކޯޓުގެ މި ނިންމުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުގެ ނަންބަރު 2015/HC-A/311 ޤަޟިއްޔާއިން ސިވިލް ކޯޓުގެ މި ނިންމުމަށް ތާއީދުކޮށްފައިވެއެވެ.

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/311 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެމައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެމައްސަލަ ބަލައި، ކަނޑައެޅި ނިޔާއެވެ.

ސިވިލް ކޯޓުން ނިންމިގޮތް

ސިވިލް ކޯޓުގެ ނަންބަރު 273/Cv-C/2015 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ސަޢީދާ މޫސާގެ ފަރާތުން އެދިފައިވާގޮތަށް ގެއްލުމުގެ ބަދަލު ނަގައިދޭންޖެހޭ ކަމަށެވެ. ސިވިލް ކޯޓުން މިގޮތަށް ޙުކުމްކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.

(ހ) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ސަޢީދާ މޫސާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ދައްކަންޖެހޭ 101,966/58ރ. (އެއްލައްކަ އެއްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް އަށް ލާރި) ސިވިލް ކޯޓަށް ދައްކައިފައިވާކަން؛ އަދި

(ށ) ޝަރީޢަތުގެ މަޖިލިހުގައި ދެފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، 20 ފެބްރުއަރީ 2014 އިން ފެށިގެން ގުދަނުގެ ތަޅުދަނޑި ޙަވާލުކޮށްފައިވާ ދުވަސްކަމަށްވާ 01 ޖޫން 2014 އާހަމައަށް ދުވާލަކު 766/66ރ. (ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) ގެ މަގުން 76,666/-ރ. (ހަތްދިހަ ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަޢީދާ މޫސާއަށް ލިބިދޭންޖެހޭކަން.

މި ސަބަބުތަކުގެ މައްޗަށް ބިނާކޮށް ސިވިލް ކޯޓުން ނިންމާފައިވަނީ 20 ފެބްރުއަރީ 2014 އިން ފެށިގެން ގުދަނުގެ ތަޅުދަނޑި ޙަވާލުކޮށްފައިވާކަމަށް ސަޢީދާ މޫސާ ބުނާ 01 ޖޫން 2014 އާ ހަމައަށް ގެއްލުމުގެ ބަދަލު ލިބިދޭންޖެހޭ ކަމަށެވެ.

ހައިކޯޓުން މައްސަލަ ނިންމި ގޮތް

މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސިވިލް ކޯޓުގެ ނަންބަރު 273/Cv-C/2015 ޤަޟިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެ މައްސަލަ ބަލައިފައިވަނީ އެ ކޯޓުގެ ނަންބަރު 2015/HC-A/311 ޤަޟިއްޔާއިންނެވެ.

މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހައިކޯޓުގައި ހުށަހެޅި އިސްތިއުނާފީ ނުކުތާތަކުގެ ތެރޭގައި ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގައި ޙުކުމްކުރުމާއެކު ގުދަނުގެ ތަޅުދަނޑި ޙަވާލުކުރުމަށްޓަކައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން މަސައްކަތްކުރިކަމަށާއި، އެހެންނަމަވެސް ގުދަނުގެ ތަޅުދަނޑިއާ ޙަވާލުވުމަށް ސަޢީދާ މޫސާގެ ފަރާތުން ތަކުރާރުކޮށް އިންކާރުކޮށްފައިވާކަން ސާބިތުކުރުމަށްޓަކައި، ޝަރީޢަތަށް ހުށަހެޅި ހެކިންގެ ހެކިބަސް ނެގުމަކާއި ނުލައި މައްސަލައިގައި ޙުކުމްކޮށްފައިވާކަމަށް ބުނެފައިވެއެވެ. އަދި ގުދަނުގެ ތަޅުދަނޑި ޙަވާލުކޮށްފައިވަނީ 1 ޖޫން 2014 ގައި ކަމަށާއި، އެ ތާރީޚާއި ހަމައަށް ގުދަން ބޭނުންކުރިކަމަށް ބަލަންޖެހޭނެކަމަށް ސަޢީދާ މޫސާ ބުނި ނުކުތާއާ ގުޅިގެން ދިފާޢުގައި ދައްކައިފައިވާ އެއްވެސް ވާހަކައަކަށް ޝަރީޢަތުން ރިޢާޔަތްކޮށްފައިނުވާކަމަށާއި، ސަޢީދާ މޫސާގެ ފަރާތުން ތަޅުދަނޑިއާ ޙަވާލުނުވުމަކީ، އެ ހިނދުން ފެށިގެން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އޮތް ޒިންމާއިން ބަރީޢަވާނެ ކަމެއްކަމަށް ބުނެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ނަގާފައިވާ ދިފާޢީ ދަފްޢަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބުނެފައިވެއެވެ.

ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2015/HC-A/311 ޤަޟިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 273/Cv-C/2015 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށެވެ. އަދި އެ ނިންމުން ބިނާވި ސަބަބަކީ ގުދަނުގެ ތަޅުދަނޑިއާ ހަވާލުވުމަށް ސަޢީދާ މޫސާގެ ފަރާތުން އިންކާރުކޮށްފައިވާކަމަށް ބުނެ އެކަން ސާބިތުކުރުމަށް ސިވިލް ކޯޓުގައި މި މުޢާމަލާތާ ގުޅޭ އެހެން މައްސަލައެއްކަމުގައިވާ، އެ ކޯޓުގެ ނަންބަރު 565/Cv-C/2014 ޤަޟިއްޔާގައި ހެކި ހުށަހަޅާފައިނުވާތީ، އެ ޤަޟިއްޔާގައި ނަގާފައިނުވާ ނުކުތާއެއް ސިވިލް ކޯޓުގެ ނަންބަރު 273/Cv-C/2015 ޤަޟިއްޔާގެ ތެރޭގައި ބަލައި ގޮތެއް ކަނޑައެޅުމަކީ އިންސާފުވެރި ގޮތެއްނޫން ކަމުގައިވާތީއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/311 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު 2 (ދޭއް) ނުކުތާއަކީ؛

ގ. ފިލާވެލި އެވެ ކިޔާ ގޭގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ނަގާފައިވާ ގުދަން ޙަވާލުކުރުމުގެ ގޮތުން ގުދަނުގެ ތަޅުދަނޑި ސަޢީދާ މޫސާއާ ޙަވާލުކުރުމަށްޓަކައި އެތައް ފަހަރެއްގެ މަތިން މަސައްކަތްކުރުމުންވެސް، ގުދަނުގެ ތަޅުދަނޑިއާ ސަޢީދާ މޫސާގެ ފަރާތުން ޙަވާލުވުމަށް އިންކާރުކޮށް، ތަޅުދަނޑިއާ ޙަވާލު ނުވުމަކީ ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާއިން ގުދަން ޙަވާލުކުރުމަށާއި، ގުދަން ބޭނުންކުރާ ދުވަސްތަކަށް ކުލި ދެއްކުމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އޮތް ޤާނޫނީ ޒިންމާ ކެނޑިގެންދާނެ ކަމެއްކަމަށް ވީ ނަމަވެސް، އެ ނުކުތާއަށް ސިވިލް ކޯޓުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓުންވެސް ރިޢާޔަތްކޮށްފައިނުވާކަން

ގ. ފިލާވެލި ގެއިން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ނަގާފައިވާ ގުދަން ހުސްކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގައި މައުލޫއީ ގޮތުން ޙުކުމް ކުރުމާއެކު، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ނަގާފައިވާ ގުދަނުގެ ތަޅުދަނޑި ޙަވާލުކުރުމަށްޓަކައި އެ ކުންފުނީގެ ފަރާތުން މަސައްކަތްކޮށްފައިވާކަމަށާއި، އެހެންނަމަވެސް، ގުދަނުގެ ކުއްޔަށްވާ ފައިސާ ދެއްކުމުން ނޫނީ ގުދަނުގެ ތަޅުދަނޑިއާ ޙަވާލުނުވާނެކަމަށާއި، ގުދަނުގެ ތަޅުދަނޑިއާ ޙަވާލުވުމަށް އުޒުރުވެރިވެފައިވާކަމަށް ސަޢީދާ މޫސާގެ ފަރާތުން ބުނެފައިވާކަން ސާބިތުކުރުމަށްޓަކައި ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެއްނެތި ސިވިލް ކޯޓުން މައްސަލާގައި ޙުކުމް ކޮށްފައިވާކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގައި މި ނުކުތާއަށް ރިޢާޔަތްކޮށްފައިނުވާކަން.

ތަޅުދަނޑި ޙަވާލުކުރިކަމަށް ބެލެވިދާނެ ޙާލަތްތައް

ކޮންޓްރެކްޓެއްގެ ދަށުން އެއް ބައިވެރިއަކު އެ ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން އަނެއް ބައިވެރިޔާއަށް ލިބޭ ގެއްލުމުގެ ބަދަލު ކޮންޓްރެކްޓާބެހޭ ޤާނޫނުގެ ދަށުން ނަގައިދެވެއެވެ. އެހެންނަމަވެސް އެފަދަ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ގެއްލުން ކުޑަކުރުމުގެ ގޮތުން ގެއްލުން ލިބިފައިވާ ފަރާތުން ޢަމަލުކޮށްފައިވާ ގޮތަށް ރިޢާޔަތްކުރުމަށް ޤާނޫނު ފުރުޞަތުދެއެވެ. ހަމަ މި މޭރުމުން ތަންތަން ކުއްޔަށްދިނުމުގެ އެއްބަސްވުންތަކުގެ ދަށުންވެސް ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތުން ގެއްލުން ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް، ލިބުނު ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި ރިޢާޔަތް ކުރެވިދާނެއެވެ.

ކަންމިހެން އޮތްއިރު، ތަނުގެ ތަޅުދަނޑިއާ ޙަވާލުވުމަށް ތަނުގެ ވެރިފަރާތުން އިއުތިރާޒުކުރާނަމަ، ކުއްޔަށް ހިފާ ފަރާތަށް އިތުރު ފިޔަވަޅުތަކެއް އެޅިދާނެ ހެއްޔެވެ؟ ދިވެހިރާއްޖޭގައި ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ ޙައްޤުތަކާ ގުޅޭ އިންތައް ތަންޒީމުކުރާ ޤާނޫނެއް ނޯވެއެވެ. ޤާނޫނު ނެތް ޙާލަތުގައި، ކުއްޔަށް ހިފާފައިވާ ތަނެއް ކުއްޔަށް ދޭ ފަރާތާ ހަވާލުކުރަން ކުއްޔަށް ހިފާ ފަރާތުން މަސައްކަތްކޮށްފައިވާކަން ކޯޓަށް ސާބިތުކޮށްދެވިއްޖެނަމަ، ތަނުގެ ވެރިފަރާތުން ތަން ޙަވާލުނުކުރާކަމަށްބުނެ ހޯދަން އެދޭ ގެއްލުމުގެ ބަދަލު ކުޑަކުރުމުގެ ފުރުޞަތު (mitigation) އޮންނާނެއެވެ. މިގޮތުން، ކޯޓުން ރިޢާޔަތް ކުރަންވާނެ މައިގަނޑު އެއް ކަމަކީ ތަން ހުސްކޮށްފައިވާކަން ތަނުގެ ވެރިފަރާތަށް ނުވަތަ ކުއްޔަށް ދޭ ފަރާތަށް އެނގިފައި އޮންނަ އޮތުމަށެވެ.

މި ޙާލަތުގައި ތަޅުދަނޑި ޙަވާލުކުރިކަން، ނުވަތަ ޙަވާލުކުރަން މަސައްކަތްކޮށްފައިވާކަން ކޯޓަށް ސާބިތުކޮށްދިނުމަށްޓަކައި ހެކިންގެ ހެކިބަހުގެ އިތުރުން، އެހެނިހެން ވަސީލަތްތައްވެސް ބޭނުންކުރެވިދާނެއެވެ. މިސާލަކަށް ރަޖިސްޓަރޑް ޕޯސްޓުން ތަޅުދަނޑި ފޮނުވުން، ނުވަތަ ފުލުހުން ފަދަ ކަމާބެހޭ އިދާރާއެއް މެދުވެރިކޮށް ތަޅުދަނޑި ޙަވާލުކުރަން މަސައްކަތް ކުރުމެވެ. ކޮންމެ ގޮތެއް ޚިޔާރުކުރިނަމަވެސް، މައިގަނޑު ކަމަކަށްވާނީ ތަޅުދަނޑި ޙަވާލުކުރަން މަސައްކަތް ކުރިކަން ޝަރީޢަތަށް ސާބިތުކޮށްދިނުމެވެ.

ހަމަ އެގޮތަށް، ތަނުގެ ވެރިފަރާތް ނުވަތަ ކުއްޔަށް ދޭ ފަރާތުގެ ޙައްޤުތަކަކީ ކޮބައިހެއްޔެވެ؟ ތަނެއް ހުސްކޮށްފައިވާކަން އެނގިހުރެ އެތަނަކަށް ނުވަދެ، ގެއްލުން ކުޑަކުރުމުގެ ގޮތުން އެއްވެސް މަސައްކަތެއް ނުކޮށް، އެ މުއްދަތުގައި ލިބުނުކަމަށް ބުނާ ގެއްލުމުގެ ބަދަލު ނުހޯދޭނެއެވެ. ކުއްޔަށްދިން ތަން ވަނީ ހުސްކޮށްފައިކަން ނުވަތަ ދޫކޮށްލާފައިކަން ތަނުގެ ވެރިފަރާތަށް އެނގޭނަމަ، އެތަނަކަށް ވަނުމުގެ ޙައްޤު އެފަރާތަށް ޤާނޫނީ ގޮތުން ލިބިގެންވެއެވެ. ސަބަބަކީ ކޮންޓްރެކްޓެއް ނިމުމަކަށް އައުމަށްފަހު، ނުވަތަ ކޮންޓްރެކްޓް ބާޠިލު ކުރުމުގެ ސަބަބުން، ނުވަތަ އެނޫންވެސް އެހެން ސަބަބަކާހެދި ތަނެއްގެ ތަޅުދަނޑި ޙަވާލު ނުކުރިނަމަވެސް، ތަނެއް ދޫކޮށްލާ ހިސާބުން، ތަނުގެ އަތުގެ ވެރިކަން އޮތް ފަރާތަށް ވާނީ ތަނުގެ ވެރިފަރާތް ކަމަށްވުމެވެ.

ތަން ވަކި ދުވަހެއްގައި ހުސްކުރާނެކަމަށް ތަނުގެ ވެރިފަރާތަށް އަންގާފައި އޮތް ހާލަތުގައި، ނުވަތަ ޝަރީޢަތް މެދުވެރިކޮށް ވަކި ދުވަހެއްގެ ކުރިން ތަންހުސްކުރުމަށް ކުއްޔަށް ހިފި ފަރާތަށް އަންގާފައިވަނިކޮށް ވެރިފަރާތާ ތަން ހަވާލުކޮށްފައި ނުވާނަމަ، އެ ތާރީޚުގެ ފަހުންވެސް ތަނުގެ ވެރިފަރާތުން ތަނަށް ވަންނަން ގަސްތުކުރާނަމަ، ކުއްޔަށް ހިފި ފަރާތަށް ސާބިތުކޮށްދިނުމަށް ފުދޭނެ ވަސީލަތެއް މެދުވެރިކޮށް އެކަށީގެންވާ ނޯޓިސްއެއް ދިނުމާއެކު އެތަނަކަށް ވަދެވިދާނެއެވެ. އެއީ އެތަނުގައި ހުރި ތަޅު ހަލާކުކޮށްލައިގެންކަމަށް ވިޔަސްމެއެވެ. ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ކުއްޔަށް ހިފާ ތަންތަނާއި ކުލީގެ މުޢާމަލާތްތައް ތަންޒީމު ކުރާ ޤާނޫނެއް ނެތް ޙާލު، ތަން ހަވާލުކުރުމުގެ މުއްދަތު ފަހަނައަޅައި ދާ ފަހުން، ތަނެއްގައި ބަހައްޓާފައި ހުންނަ ކުއްޔަށް ހިފި ފަރާތުގެ ތަކެތި ނައްތާލުމަކީ ނުވަތަ ތަން ވެރިފަރާތުގެ ބޭނުމަށް ހުސްކުރުމަކީ، ޤާނޫނެއްގެ ދަށުން ވެރިފަރާތަށް އަދި ލިބިދެވިފައިވާ ބާރެއްނޫންކަން ފާހަގަކުރެވެއެވެ. މިފަދަ ހާލަތްތަކުގައި ނައްތާލާ މުދަލަކީ އެހެން ފަރާތެއްގެ މުދަލެއްކަމުގައިވާއިރު، އެކަމުން ނިކުންނާނެ ޤާނޫނީ ނަތީޖާތަކެއް ހުރެދާނެކަމާއި، ނައްތާލާ މުދަލަށް ގެއްލުމުގެ ބަދަލު ދޭންޖެހުމަކީ އެކަށީގެންވާ ކަމަކަށްވެދާނެއެވެ. އަދި އޭގެ އަނެއްކޮޅުން، ކުއްޔަށް ހިފާފަރާތުގެ ތަކެތި ނެރެ ތަން ހުސްކޮށްފައިނުވާނަމަ، ކުއްޔަށް ހިފާފަރާތުގެ ތަކެތި ނެރެ ތަންހުސްކުރާ ދުވަހާ ހަމައަށް އެތަނުގެ ކުލި ކުއްޔަށް ހިފާފަރާތުން ދައްކަންޖެހޭނެއެވެ. އިސްވެ ބުނެވިދިޔަ ފަދައިން، ވަކި ދުވަހެއްގައި ހުސްކުރާނެކަމަށް ތަނުގެ ވެރިފަރާތަށް އަންގާފައި އޮތް ހާލަތުގައި، ނުވަތަ ޝަރީޢަތް މެދުވެރިކޮށް ވަކި ދުވަހެއްގެ ކުރިން ތަންހުސްކުރުމަށް ކުއްޔަށް ހިފި ފަރާތަށް އަންގާފައިވަނިކޮށް ވެރިފަރާތާ ތަން ހަވާލުކޮށްފައި ނުވާނަމަ، އެ ތާރީޚުގެ ފަހުންވެސް ތަނުގެ ވެރިފަރާތުން ތަނަށް ވަންނަން ގަސްތުކުރާނަމަ، އެކަށީގެންވާ ނޯޓިސްއެއް ދިނުމާއެކު އެތަނަކަށް ކުއްޔަށްދޭ ފަރާތުން ވަންނައިރު ތަންހަލާކުކޮށްލައި ތަނަށް ގެއްލުން ދީފައިވާނަމަ އެއީ ވަކިން ކުރިއަށް ގެންދެވިދާނެ މައްސަލައެކެވެ.

މި ޤަޟިއްޔާގައި ހުށަހަޅާފައިވަނީ މައިގަނޑު ދެ ކަމެއް ކަނޑައަޅައިދިނުމަށެވެ. އެއީ، ފުރަތަމަ ކަމަކަށް، ކުއްޔަށް ހިފި ފަރާތުން ތަޅުދަނޑި ވެރިފަރާތާ ހަވާލުކުރަން މަސައްކަތް ކުރުމުން، އޭގެ ފަހުން ވެރިފަރާތުން ތަހައްމަލު ކުރަންޖެހޭ ގެއްލުމަށް ކުޔަށް ހިފި ފަރާތުން ޒިންމާ އުފުލަން ނުޖެހޭކަމަށް ކަނޑައެޅުމާއި، އަދި ދެވަނަ ކަމަކަށް، ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރިކަން ސާބިތުކޮށްދިނުމަށްޓަކައި ހުށަހަޅާފައިވާ ހެކިން ކޯޓުން ހާޒިރުކޮށްދީފައިނުވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަން ކަނޑައެޅުމެވެ.

މި މައްސަލައިގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސަޢީދާ މޫސާއަށް ގ. ފިލާވެލިއެވެ ކިޔާ ގޯތީގައި ހަދާފައިހުރި ގުދަނުގެ ތަޅުދަނޑި ހަވާލުކުރުމަށްޓަކައި މަސައްކަތްކޮށްފައިވާ މިންވަރަށް ރިޢާޔަތް ކުރުމުގެ ކުރިން، މި ދެފަރާތު ދެމެދު އުފެދިފައިވާ ޚުޞޫމާތާ ގުޅިގެން ތަފާތު އެކި މައްސަލަތައް ސިވިލް ކޯޓަށް ހުށަހަޅައި ކުރިއަށް ގެންގޮސްފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މި ޤަޟިއްޔާތަކުގެ މައުލޫއަށާއި ހުށަހެޅުނު އަދި ނިންމި ތާރީޚުތަކަށް އަލިއަޅުވާލުން މުހިންމު ކަމުގައި ދެކެމެވެ.

މައްސަލައިގައި ހިމެނޭ ޤަޟިއްޔާތައް

މި މައްސަލައާ ގުޅޭ ޤަޟިއްޔާތައް ތާރީޚުގެ ތަރުތީބުން ބަޔާންކޮށްލާނަމެވެ.

(ހ) ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާ

މި ޤަޟިއްޔާއަކީ މި މައްސަލައިގެ އެންމެ ފުރަތަމަ ޤަޟިއްޔާއެވެ. މި ޤަޟިއްޔާގައި ސަޢީދާ މޫސާ ދަޢުވާކުރީ ސަޢީދާ މޫސާއާއި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑާ ދެމެދު ގ. ފިލާވެލި އެވެ ކިޔާ ގޯތީގައި ހަދާފައިވާ ގުދަން ކުއްޔަށް ދިނުމާބެހޭ އެއްބަސްވުމާ ޚިލާފަށް، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފި ތަން ދޫކޮށްލާނެކަމަށް ބުނެ، ސަޢީދާ މޫސާއަށް ލިޔުމުން އަންގާފައިވީނަމަވެސް، އެ އެންގުމާ އެއްގޮތަށް ޢަމަލުނުކޮށް، ތަން ބޭނުންކުރަމުންދާތީ، އެތަނުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ނެރެދިނުމަށާއި، އަދި އެ ޢަމަލުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ؛

20 ފެބްރުއަރީ 2014 ގެ ނިޔަލަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 101,966/58ރ. (އެއްލައްކަ އެއްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް އަށް ލާރި) ސަޢީދާ މޫސާއަށް ނަގައިދިނުމަށް،

20 ފެބްރުއަރީ 2014 ދުވަހުން ފެށިގެން ގ.ފިލާވެލިއެވެ ކިޔާ ގޯތީގައި ހަދާފައިވާ ގުދަން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހުސްކުރުމަށްފަހު ތަނުގެ ތަޅުދަނޑި ސަޢީދާ މޫސާއާ ޙަވާލުކުރުމާ ހަމައަށް، ގުދަން ބޭނުންކުރާ ކޮންމެ ދުވަހަކަށް، ދުވާލަކު 766/66 ރ. (ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) ގެ މަގުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސަޢީދާ މޫސާއަށް ދައްކަންޖެހޭކަމަށް،

28 ފެބްރުއަރީ 2014 ގެ ނިޔަލަށް ތަންހުސްކުރުމަށްފަހު ސަޢީދާ މޫސާއަށް ތަނުގެ ތަޅުދަނޑި ޙަވާލުކުރުމަށް، އަދި

7 އޮކްޓޯބަރ 2013 ގެ ކުރިންވެސް އަދި އޭގެ ފަހުންވެސް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ގުދަން ބޭނުންކުރަމުން ދިޔަ މުއްދަތުގައި، އެ ގުދަނުގައި ހުރި ޢާންމު ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާއަކީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާއެއްކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގައި ޙުކުމްކުރި ތާރީޚަކީ 20 ފެބްރުއަރީ 2014 އެވެ.

(ށ) ސިވިލް ކޯޓުގެ ނަންބަރު 1527/Cv-C/2014 ޤަޟިއްޔާ

މި ޤަޟިއްޔާއަކީ ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ސަޢީދާ މޫސާގެ ފަރާތުން ހުށަހެޅި މައްސަލައެކެވެ. މި މައްސަލަ ނިންމާފައިވަނީ 31 އޮގަސްޓް 2014 ގައެވެ. މި މައްސަލައިގައި ޙުކުމްކޮށްފައިވަނީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސަޢީދާ މޫސާއަށް ދޭންޖެހޭ 101,966/58ރ. (އެއްލައްކަ އެއްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް އަށް ލާރި) ޙުކުމާ އެއްގޮތަށް ދައްކައިފައިނުވާތީ، ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މުޢާމަލާތުގައި ޢަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ 13 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރުމާއެކު، ޤާނޫނުލް އުޤޫބާތުގެ 88 ވަނަ މާއްދާގެ (ހ) ގެ ދަށުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް 150/- ރ. (އެއްސަތޭކަ ފަންސާސް ރުފިޔާ) އިން ޖޫރިމަނާކޮށް، މި ޖޫރިމަނާ ފައިސާ މި މައްސަލަ ނިންމި ތާރީޚުން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި ދެއްކުމަށް އަންގައެވެ. އަދި މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވަނީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ޣައިރު ހާޒިރުގައެވެ.

(ނ) ސިވިލް ކޯޓުގެ ނަންބަރު 565/Cv-C/2014 ޤަޟިއްޔާ

މި ޤަޟިއްޔާއަކީ ވެސް ސަޢީދާ މޫސާގެ ފަރާތުން ހުށަހަޅާފައިވާ ޙުކުމް ތަންފީޒުކުރުމުގެ ޤަޟިއްޔާއެކެވެ. މި މައްސަލަ ކޯޓަށް ހުށަހެޅީ 10 މާރޗް 2014 ގައެވެ. އަދި މި މައްސަލައިގެ ޝަރީޢަތަށް މަޤުބޫލު އުޒުރެއްނެތި ސަޢީދާ މޫސާގެ ބަދަލުގައި ކޯޓަށް ހާޒިރުވުމަށް ހަމަޖައްސާފައިވާ އިސްމާޢީލް މުޙައްމަދު ކޯޓަށް ހާޒިރުނުވުމުން، މި މައްސަލަވަނީ 1 ޖުލައި 2014 ގައި ބާޠިލުކޮށްފައެވެ.

މި މައްސަލައިގައި ސަޢީދާ މޫސާގެ ފަރާތުން ކުރި ދަޢުވާއަކީ ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގެ ޙުކުމުގައިވާ ގޮތަށް ގ. ފިލާވެލި ކިޔާ ގޯތީގައި ހުރި ގުދަނުގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތި ތިބޭ ތިބުން ހުއްޓުވައިދީ ތަންހުސްކޮށްދިނުމަށް އެދިއެވެ.

(ރ) ސިވިލް ކޯޓުގެ ނަންބަރު 273/Cv-C/2015 ޤަޟިއްޔާ

މިއީ މިހާރު އިސްތިއުނާފު ކުރެވޭ ޤަޟިއްޔާއެވެ. މި ޤަޟިއްޔާއަކީ މި މައްސަލައިގައި އެންމެ ފުރަތަމަ ގޮތް ކަނޑައެޅުނު ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގޮތުން ހުށަހެޅުނު ތިން ވަނަ މައްސަލައެވެ.

ސަޢީދާ މޫސާގެ ފަރާތުން މި މައްސަލަ ހުށަހެޅީ 26 ޖެނުއަރީ 2015 ގައެވެ. މި މައްސަލަ ހިނގަމުން ދަނިކޮށް، 27 އޭޕްރިލް 2015 ގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސަޢީދާ މޫސާއަށް ދައްކަންޖެހޭ 101,966/58ރ. (އެއްލައްކަ އެއްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް އަށް ލާރި) ސިވިލް ކޯޓަށް ދައްކައި ޚަލާޞްކުރިއެވެ.

އެހެންކަމުން، އިސްތިއުނާފު ކުރެވޭ ޤަޟިއްޔާގައި ދެން ބެލެވުނު ނުކުތާއަކީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސަޢީދާ މޫސާއަށް ތަޅުދަނޑި ޙަވާލުކުރި ތާރީޚާއި، ތަން ޙަވާލުނުކޮށް ހުރި ދުވަސްތަކަށް ލިބެންއޮތް ގެއްލުމުގެ ބަދަލަށެވެ. އެގޮތުން، ތަޅުދަނޑި ޙަވާލުކުރި ތާރީޚަކީ 1 ޖޫން 2014 ކަމުގައިވާއިރު، 20 ފެބްރުއަރީ 2014 އިން ފެށިގެން 1 ޖޫން 2014 ގެ ނިޔަލަށް ދުވާލަކު 766/66ރ. (ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) ގެ މަގުން ޖުމްލަ 76,666/-ރ. (ހަތްދިހަ ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސަޢީދާ މޫސާއަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ޙުކުމްކުރިއެވެ.

މި މައްސަލައިގައި ތަޅުދަނޑި ޙަވާލުކުރުމަށް މަސައްކަތްކުރިކަމަށް ބުނާ ބުނުން

މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ އެއް ނުކުތާއަކީ، ގުދަނުގެ ތަޅުދަނޑި ސަޢީދާ މޫސާއާ ޙަވާލުކުރުމަށް އެތައް ފަހަރެއްގެ މަތިން މަސައްކަތް ކުރުމުންވެސް، ސަޢީދާ މޫސާ އެ ތަޅުދަނޑިއާ ޙަވާލުވުމަށް އިންކާރުކޮށްފައިވާކަމަށެވެ. އަދި ސަޢީދާ މޫސާ އިންކާރުކުރާ ސަބަބުކަމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ ސަޢީދާ މޫސާ ތަޅުދަނޑިއާ ޙަވާލުވާން ހުރީ ގުދަނުގެ ކުއްޔާއި ގެއްލުމުގެ ބަދަލަށް އެހައިތަނަށް ނުދައްކާހުރި ހުރިހާ ފައިސާއެއް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައްކައި ޚަލާޞްކުރުމުންކަމަށެވެ.

މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މި ވާހަކަތަކަށް ސަޢީދާ މޫސާގެ ފަރާތުން އިންކާރުކުރެއެވެ. އަދި ތަނުގެ ތަޅުދަނޑި އެއްވެސް އިރެއްގައި ހަވާލުކުރަން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މަސައްކަތްކޮށްފައި ނުވާކަމަށް ބުނެފައިވެއެވެ. އަދި މިކަމުގެ ހެކީގެ ގޮތުގައި ސަޢީދާ މޫސާގެ ފަރާތުން ހުށަހަޅާފައިވަނީ މި މައްސަލައާ ގުޅިގެން ސިވިލް ކޯޓުގައި ހިނގާފައިވާ އެކި ޤަޟިއްޔާތަކެވެ.

މި މައްސަލައިގައި ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރިކަމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ހަމައެކަނި ބުނާ ބުނުން ބަލިކަށިކަން ފާހަގަކުރެވެއެވެ. އެހެނީ، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސަޢީދާ މޫސާއަށް ތަން ހަވާލުކޮށްފައިވަނީ، ތަންހުސްކޮށްދިނުމަށް އެދި ސަޢީދާ މޫސާގެ ފަރާތުން ސިވިލް ކޯޓަށް 10 މާރޗް 2014 ގައި މައްސަލައެއް ހުށަހެޅި ފަހުންނެވެ. އެ މައްސަލަ އެ ކޯޓަށް ހުށަހެޅިތާ ދެ މަހަށް ވުރެ ގިނަ ދުވަސްވީފަހުން، 1 ޖޫން 2014 ގައި ސަޢީދާ މޫސާއަށް ތަންހުސްކުރުމަށްފަހު ތަން ހަވާލުކޮށްފައިވާކަން ދެ ފަރާތުގެ ބަހުންވެސް އެނގެންއޮވެއެވެ.

މި މައްސަލައިގައި އެންމެ ފުރަތަމަ ޙުކުމްކުރި ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގައި، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ތަން ހުސްކުރުމަށް އެ ޤަޟިއްޔާގައި ޙުކުމް ކުރި ތާރީޚުން ފެށިގެން އެއް ހަފްތާ ދީފައިވެއެވެ. އަދި ތަން ހުސްކުރުމަށްފަހު ތަނުގެ ތަޅުދަނޑި ސަޢީދާ މޫސާއާ ޙަވާލުކުރާ ދުވަހާ ހަމައަށް ތަން ބޭނުންކުރާ ކޮންމެ ދުވަހަކަށް ދުވާލަކު 766/66 ރ. (ހަތްސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަސްދޮޅަސް ހަލާރި) ގެ މަގުން ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ކަނޑައަޅާފައިވެއެވެ. އެހެންކަމުން، ތަން ހުސްކޮށް ތަޅުދަނޑި ހަވާލުނުކުރާނަމަ، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދުވާލަކަށް ދައްކަންޖެހޭ ގެއްލުމުގެ ބަދަލަކީ ކޮބައިކަން މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އެނގެއެވެ. އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ޤަޟިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު 565/Cv-C/2014 ޤަޟިއްޔާ ހިނގަމުން ދިޔައިރު މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސަޢީދާ މޫސާއާ ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރުމުން ތަޅުދަނޑިއާ ހަވާލުވުމަށް ސަޢީދާ މޫސާ އިންކާރުކުރިކަމަށް ބުނެ އެއްވެސް ނުކުތާއެއް ނަގާފައިނުވާ ކަމަށާއި، އަދި އެ މައްސަލަ ދަޢުވާ ކުރާ ފަރާތުން ހާޒިރުނުވެގެން ބާޠިލު ކުރިނަމަވެސް، އެ މައްސަލަ އިސްތިއުނާފު ކުރަން މަސައްކަތްކޮށްފައިނުވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ. ހައިކޯޓުންވެސް ފާހަގަކޮށްފައިވާ ފަދައިން، ސަޢީދާ މޫސާ ތަޅުދަނޑިއާ ހަވާލުނުވިކަމަށް ބުނާ ނުކުތާ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އެއިރު ފާހަގަކޮށްފައިނުވާއިރު، މި މައްސަލައިގައި ކަންހިނގާ ދިޔަ ގޮތަށް ބަލާއިރު، ޙުކުމް ތަންފީޒު ކުރުމުގެ އެކި ޤަޟިއްޔާތައް ކުރިއަށް ދިޔައިރު، ހަރުދަނާ ގޮތަކަށް ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރުމުގެ ފުރުޞަތު މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑަށް އޮތެވެ.

މީގެ އިތުރުން، ސިވިލް ކޯޓުގެ ނަންބަރު 565/Cv-C/2014 ޤަޟިއްޔާއިން ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން ސަޢީދާ މޫސާގެ ފަރާތުން އެދިފައިވަނީ ތަން ހުސްކުރުމަށް ކަމުގައިވާއިރު، އެ މައްސަލަ ހުށަހެޅިއިރުވެސް ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާއިން ސަޢީދާ މޫސާއަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ޙުކުމްކުރި ޢަދަދު ކަމުގައިވާ 101,966/58ރ. (އެއްލައްކަ އެއްހާސް ނުވަސަތޭކަ ފަސްދޮޅަސް ހަރުފިޔާ ފަންސާސް އަށް ލާރި) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސަޢީދާ މޫސާއަށް ދައްކައިފައިނުވާކަން އެނގެއެވެ. އެ ޢަދަދު ދައްކައި ޚަލާޞްކުރީ މިހާރު އިސްތިއުނާފު މިކުރެވޭ ޤަޟިއްޔާގެ ސިވިލް ކޯޓުގެ މައްސަލާގެ އަޑުއެހުންތައް ހިނގަމުން ދަނިކޮށް، 27 އޭޕްރިލް 2015 ގައެވެ. އެހެންކަމުން، މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތަށް ރިޢާޔަތްކުރާއިރު، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ކިބައިން ސަޢީދާ މޫސާއަށް ފައިސާ ނުލިބުނު ނަމަވެސް، ތަން ހަވާލުނުކުރުމުގެ ސަބަބުން މައްސަލަ ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި ފައިސާ ލިބުމުގެ ކުރިން ތަނާ ހަވާލުވެފައިވާކަންވެސް އެނގެން އޮވެއެވެ.

ދެން އުފެދޭ ސުވާލަކީ، ސަޢީދާ މޫސާއަށް 28 ފެބްރުއަރީ 2014 ގެ ފަހުން ކުއްޔަށް ދީފައިވާ ގުދަނަށްވަދެ، އެތަން ބޭނުންކުރުމުގެ ފުރުޞަތު އޮތްތޯއެވެ. އިސްތިއުނާފުކުރާ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ މި މައްސަލައިގެ އެންމެ ފުރަތަމަ ޤަޟިއްޔާގައި ތަން ހުސްކުރުމަށް ވަކި މުއްދަތެއް ދެވިފައިވާއިރު، އެ މުއްދަތު ފަހަނައަޅައި ދިއުމަށްފަހު، ތަޅުދަނޑި ހަވާލުނުކުރިނަމަވެސް، ސަޢީދާ މޫސާއަށް އެ ގުދަނަށް ވަދެ އެތަން ބޭނުން ކުރުމުގެ ފުރުޞަތު އޮތްކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 565/Cv-C/2014 ޤަޟިއްޔާ ހުށަހެޅީ މި މައްސަލައިގެ އެންމެ ފުރަތަމަ ޤަޟިއްޔާގައި ސަޢީދާ މޫސާއަށް ގުދަން ހަވާލުކުރުމަށް އަންގާފައިވާ ތާރީޚުގެ އެއް މަސް ދުވަހާއި ދުވަސްކޮޅެއް ފާއިތުވިފަހުންނެވެ. އަދި މި ޤަޟިއްޔާގައި ސަޢީދާ މޫސާގެ ފަރާތުން ކޮށްފައިވާ ދަޢުވާއަކީވެސް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އެއްވެސް ޤާނޫނީ އަދި ޝަރުޢީ ހަމައެއް ނެތި ގ. ފިލާވެލި އެވެ ކިޔާ ގޯތީގައި ހުރި ގުދަނުގައި ތިބޭ ތިބުން ހުއްޓުވައިދީ ތަންހުސްކޮށްދިނުމަށް އެދިއެވެ.

ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ދިވެހިރާއްޖޭގައި ކުއްޔަށްދޭ ފަރާތާއި ކުއްޔަށް ހިފާ ފަރާތުގެ އިލްތިޒާމްތަކާއި ޙައްޤުތައް ތަންޒީމުކުރާ ޤާނޫނެއް ނެތެވެ. ކުއްޔަށްދޭ ތަންތަނުގައި އެއްބަސްވުމާ ޚިލާފަށް ކުއްޔަށް ހިފާ ފަރާތްވިޔަސް ނުވަތަ އެފަރާތުން ވައްދާ ތިންވަނަ ފަރާތަކުންވެސް ތަން ބޭނުންކުރަމުން ގެންދާނަމަ، ތަނުގެ ވެރިފަރާތަށް އެޅިދާނެ ފިޔަވަޅުތަކެއް ޤާނޫނުގައި ބަޔާންކުރެވިފައިނޯވެއެވެ. އެހެން ގޮތަކަށް ބުނާ ނަމަ، ތަނެއް ހުސްކުރުމުގެ ނިޔަތުގައި، އެތަނެއްގައި ހުރި މުދާ ނައްތާލުމުގެ ބާރު ތަނުގެ ވެރިފަރާތަށް ޤާނޫނަކުން ލިބިދެވިފައިނުވެއެވެ. އަދި އެފަދަ މުދަލެއް ނައްތާލައިފިނަމަ، ގެއްލުމުގެ ބަދަލު މުދަލުގެ ވެރިފަރާތަށް ދޭންޖެހުން އެކަށީގެންވެއެވެ.

އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 565/Cv-C/2014 ޤަޟިއްޔާއިން ސަޢީދާ މޫސާ ހޯދަން މަސައްކަތް ކުރި ޤާނޫނީ ޙައްލަކީ، ޝަރީޢަތް މެދުވެރިކޮށް ތަން ހުސްކުރަން މަސައްކަތްކުރުމެވެ. އަދި މައްސަލަ ކޯޓަށް ހުށަހެޅުނުތާ އެތައް ދުވަހެއް ފަހުން، ތަންހުސްކުރުމަށްފަހު ތަނުގެ ތަޅުދަނޑި ސަޢީދާ މޫސާއާ ހަވާލުކުރީ 1 ޖޫން 2014 ގައެވެ.

ކޯޓަށް ހެކިން ހާޒިރުކުރުން

ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގައި މައުލޫއީ ގޮތުން ޙުކުމް ކުރުމާއެކު، ސަޢީދާ މޫސާއަށް ގުދަނުގެ ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރިކަމަށާއި، އަދި ސަޢީދާ މޫސާ ތަޅުދަނޑިއާ ހަވާލުނުވީކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހެޅި ހެކިން ސިވިލް ކޯޓަށް ހާޒިރުކޮށްނުދޭކަމަށާއި، އަދި މިކަމަށް ހައިކޯޓުންވެސް ރިޢާޔަތްކޮށްފައިނުވާކަމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.

އިސްތިއުނާފު ކުރެވޭ މައްސަލައިގެ ސިވިލް ކޯޓުގެ ނަންބަރު 273/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި، 12 ފެބްރުއަރީ 2015 ގައި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދީފައިވާ ބަޔާނުގައި؛

"20 ފެބްރުއަރީ 2014 ގައި މައްސަލާގައި ޙުކުމް ކުރުމާއެކު ދަޢުވާކުރާ ފަރާތަށް ގުދަނުގެ ތަޅުދަނޑި ޙަވާލު ކުރުމަށް މެރީޑިއަމް ސަރވިސަސްގެ ފަރާތުން ވަނީ އެތައް ފަހަރަކު މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް 2014 ވަނަ އަހަރުގެ ޖޫން މަހާއި ހަމައަށް ދަޢުވާ ކުރާ ފަރާތުން ގުދަނުގެ ތަޅުދަނޑިއާ ޙަވާލުވުމަށް އުޛުރުވެރިވެ، ޙަވާލުވެފައިނުވާތީ، އެކަމުގެ މައްޗަށް ދަޢުވާ ލިބޭ މެރީޑިއަމް ސަރވިސަސް ޒިންމާވާން ނުޖެހޭނެކަން ފާހަގަކުރަމެވެ. މިގޮތުން ދަޢުވާ ކުރާ ފަރާތަށް ބަޔާންކުރެވުނު ގޮތަށް ތަޅުދަނޑި ޙަވާލު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމާއި، ތަޅުދަނޑިއާ ޙަވާލުވުމަށް އެފަރާތުން އިންކާރުކޮށްފައިވާކަން ސާބިތުކުރުމަށްޓަކައި އަންނަނިވި ހެކިން ޝަރީޢަތަށް ހުށަހަޅަމެވެ."

ތިން ހެއްކެއްގެ ތަފްޞީލު ހުށަހެޅުމާއެކު ހެކިން ހާޒިރުކޮށްދިނުމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދިފައިވެއެވެ. އެހެންނަމަވެސް، އިސްތިއުނާފު ކުރެވޭ މައްސަލައިގެ ސިވިލް ކޯޓުގެ ޤަޟިއްޔާގައި، މި ނުކުތާއާ މެދު އެއްވެސް އެއްޗެއް ބަޔާންކޮށްފައިނުވެއެވެ.

މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ މައްސަލައިގައި، ކަމެއް ސާބިތުކުރުމުގެ ޙައްޤަކީ އަބަދުވެސް ޚަޞްމުންނަށް ލިބިގެންވާ ޙައްޤެއްކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ޚަޞްމުންގެ އަތުގައިވާ ޤާނޫނު ހުއްދަކުރާ އެންމެހައި ހެކިތަކާއި ދަލީލުތައް ޝަރީޢަތުގެ މަޖިލިހަށް ހުށަހެޅުމުގެ ފުރުޞަތު ކޯޓުން ޚަޞްމުންނަށް ފަހިކޮށްދޭންވާނެކަމަށް އެ ޤަޟިއްޔާގައި ބަޔާންކޮށްފައި އޮވެއެވެ.

ހެކި ހުށަހެޅުމަކީ ޙަޞްމުންނަށް އޮތް ޙައްޤެއް ނަމަވެސް މިއީ މުޠުލަޤުކޮށް އޮތް ޙައްޤެއް ނޫންކަން މިހާތަނަށް ޝަރުޢީ ކޯޓުތަކުން ޢަމަލުކުރަމުން އައި ގޮތުން ފާހަގަކުރެވެއެވެ. ޖިނާއީ މައްސަލަތަކުގައާއި މަދަނީ މައްސަލަތަކުގައިވެސް ހެކިން ހާޒިރުކޮށްދިނުމަށް އެދުނު ނަމަވެސް، އެކި ސަބަބުތަކާ ހުރެ ހެކިން ހާޒިރު ކުރުމަކާ ނުލައި މައްސަލަތަކުގައި ގޮތް ކަނޑައަޅާފައިވެއެވެ.

މިސާލަކަށް ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. ޢަލީ ޙަސަން ޤަޟިއްޔާގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހާޒިރުކޮށްދިނުމަށް އެދިފައިވާ ދެ ހެކިން ހާޒިރުކޮށްނުދެއެވެ. ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ އެ ދެ ހެކިން ހާޒިރުކުރިނަމަވެސް ޢަލީ ޙަސަންގެ މައްޗަށް ކުށް ސާބިތުކުރެވިދާނެކަމަށް ބެލެވެން ނެތްކަމަށެވެ. ހައިކޯޓުގެ މުޙައްމަދު ސަޢީދު ވ. ޤާސިމް އިބްރާހީމް ޤަޟިއްޔާގައި މައްސަލައާ ގުޅުންހުރި ހެކި ކަނޑައެޅުމުގެ ބާރު ފަނޑިޔާރުންނަށް ލިބިދެވުމާއެކު، ހެކިން ހާޒިރުނުކުރުމަށް ނިންމާ ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކުރަންވާނެކަމަށް ކަނޑައަޅާފައިވެއެވެ. އަދި މިފަހުގެ މިސާލެއްގެ ގޮތުން ސިވިލް ކޯޓުގެ އަރާމް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. މިނިސްޓްރީ އޮފް ޓޫރިޒަމް ޤަޟިއްޔާގައި، ހެކިން ހާޒިރު ނުކުރަން ނިންމި ސަބަބު އެ ޤަޟިއްޔާގައި ބަޔާންކުރުމުން، އެއީ ޖާއިޒު ސަބަބުތަކެއްކަމަށް އެ މައްސަލަ އިސްތިއުނާފު ކުރެވުނު ހައިކޯޓުގެ ނަންބަރު 2016/HC-A/186 ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ.

ދިވެހިރާއްޖޭގައި ކޯޓުތަކުން މައްސަލަ ބަލަމުންދާއިރު، ހެކި ބަލައިގަތުމާ މެދު ފަނޑިޔާރުންނަށް ލިބިދެވިފައިވާ ބާރުތަކާއި އެބާރުތަކުގެ އިންތައް ޤާނޫނަކުން ކަނޑައަޅާފައިނުވެއެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި، މައްސަލަތައް ހިންގުމާއި ހެކިން ހާޒިރުކުރުމަށް ހުއްދަ ދިނުމާ ގުޅޭގޮތުން މައްސަލަ ބަލާ ފަނޑިޔާރުންނަށް ބޮޑެތި ބާރުތަކެއް ޤާނޫނާއި ގަވާއިދުގެ ދަށުން ލިބިދެވިފައިވެއެވެ. މިސާލަކަށް އިނގިރޭސި ވިލާތުގެ ސިވިލް ޕްރޮސީޖަރ ރޫލްސް (ސީ.ޕީ.އާރު) 1998 ގެ ދަށުން ކޯޓަށް ލިބިދެވިފައިވާ ކޭސް މެނޭޖްމަންޓުގެ ބާރުތަކުގެ ދަށުން، ކޯޓަށް ހުށަހެޅޭ ހެކި ކޮންޓްރޯލް ކުރުމުގެ ބާރު ކޯޓަށް ލިބިދެވިފައިވެއެވެ. އެގޮތުން ކޯޓަށް ހެކި ބޭނުންވަނީ ކޮންކަންތައްތަކެއް ސާބިތުކުރުމަށްކަމާއި، ކަމެއް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި ބޭނުންވާ ހެކީގެ ބާވަތާއި، އަދި ކޯޓަށް އެފަދަ ހެއްކެއް ހުށަހެޅޭނެ ގޮތް ފަދަ ކަންކަން އެންގުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. މި ބާރުގެ ދަށުން ޢާންމުކޮށް ކޯޓަށް ހުށަހެޅޭނެ އަދި ބަލައިގަނެވޭނެ (admissible) ހެކި ބަލައިނުގަތުމަށް ކޯޓަށް ކަނޑައެޅިދާނެއެވެ. ހަމަ މިގޮތަށް، ކްރޮސް-އެގްޒެމިނޭޝަންވެސް ގައިދުކުރުމުގެ ބާރު ކޯޓަށް ލިބިގެންވެއެވެ. ސީ.ޕީ.އާރު ގެ ދަށުން ކޯޓުތަކަށް ލިބިދެވޭ ބާރުތައް ބޭނުންކުރުމުގައި ފުޅާ އިޚްތިޔާރުތަކެއް ކޯޓުތަކަށް ލިބިގެންވެއެވެ. މިސާލަކަށް، ވިޓްނަސް ސްޓޭޓެމަންޓް ހުށަހެޅުމުގެ ކުރިންވެސް އަދި ފަހުންވެސް ބަޔާން އޮންނަންޖެހޭ ފޯމެޓު ކޯޓުތަކުން ކަނޑައަޅައި، މައްސަލައިގެ ޚަޞްމުންނަށް އެންގިދާނެއެވެ. އެގޮތުން، މިފަހުގެ މައްސަލައެއްގައި، ވިޓްނަސް ސްޓޭޓްމަންޓު ކުރު ކުރުމުގެ މަޤުޞަދުގައި އެހެނިހެން ޒަރިއްޔާތަކުން ސާބިތުވާންހުރި މައްސަލައިގެ ވާޤިއާތަކަށް އެކަނި ހަވާލާދީ ވިޓްނަސް ސްޓޭޓްމަންޓެއް ތައްޔާރު ނުކުރެވޭނެކަމަށް އިގިރޭސި ކޯޓަކުން ކަނޑައަޅާފައިވެއެވެ. ސަބަބަކީ އެފަދަ ސްޓޭޓްމަންޓަކުން ވަކި ކަމެއް ސާބިތުވާން ނެތުމެވެ. ދިވެހިރާއްޖޭގައިވެސް ޖިނާއީ މައްސަލަތަކުގައި ހެކިން ޝަރީޢަތުގެ މަޖިލިހުގައި ހެކިބަސްދޭންވާ ގޮތް މީގެ ކުރިން ހައިކޯޓުން ކަނޑައަޅާފައިވާކަން މި ފުރުސަތުގައި ފާހަގަކޮށްލަމެވެ. އެގޮތުން، ހައިކޯޓުގެ އިސްމާޢީލް ޝިފާޒު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާއި ޢަބްދުﷲ ލައިސް ނޫރީ ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ ފަދަ މައްސަލަތަކުގައި، ޝަރީޢަތަށް ހާޒިރުކުރެވޭ ހެއްކެއް ހަމައެކަނި ތަހުޤީޤު ބަޔާނާ ޙަވާލާދޭ ދިނުން އެއީ ޝަރީޢަތުގެ މަޖިލިހުގައި ދޭ ހެކިބަހެއްކަމަށް ނުބެލެވޭނެކަމަށް ކަނޑައަޅާފައިވެއެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފެޑެރަލް ރޫލްސް އޮފް އެވިޑެންސްގެ ދަށުން ފެޑެރަލް ޓްރައިއަލް ކޯޓުތަކުގައި މަދަނީ އަދި ޖިނާއީ މައްސަލަތަކުގައިވެސް ހެކި ހުށަހެޅުމާ ގުޅޭ ކަންކަން ތަންޒީމުކުރެއެވެ. އެގޮތުން، ރޫލް 403 ގެ ދަށުން ކޯޓަށް ހުށަހެޅޭ ހެއްކަށް ރިޢާޔަތް ނުކުރަން ނިންމުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. ކޯޓަށް ހުށަހެޅޭ ހެއްކަކީ މައްސަލައާ ގުޅުންހުރި ހެކިނަމަވެސް، ރޫލް 403 ގެ ދަށުން ވަކި ގޮތަކަށް ކަންކަން ޤަބޫލުކުރާކަމުގެ ބިރަށްޓަކައި (prejudice)، ނުވަތަ މައްސަލައާ މެދު އޮޅުން އަރާފާނެ ކަމަށްޓަކައި، ނުވަތަ މައްސަލަ ދިގުލައިގެން ގޮސްދާނެކަމަށްޓަކައި، ނުވަތަ ވަގުތު ބޭކާރުވާނެކަމަށްޓަކައި، ނުވަތަ ބޭނުންތެރިކަން ނެތް ގޮތަކަށް މައްސަލައާގުޅޭ އެތައް ބައިވަރު ހެކި ހުށަހެޅުންފަދަ މިނޫންވެސް އެހެނިހެން ސަބަބުތަކަށްޓަކައި، މައްސަލައާ ގުޅޭ ހެއްކަށް ރިޢާޔަތް ނުކުރަން ނުވަތަ އެއްފަރާތް ކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ.

އެހެންކަމުން ދިވެހިރާއްޖޭގައިވެސް މިފަދަ ބާރުތަކެއް ކަނޑައެޅިގެން ޤާނޫނަކުން ކޯޓުތަކަށް ލިބިދެވިފައިނެތް ނަމަވެސް، ކޯޓުތަކުގެ ކޭސް މެނޭޖްމަންޓުގެ ތެރޭގައި ހެއްކަށް ރިޢާޔަތް ނުކުރަން ނުވަތަ ހެކިން ހާޒިރުނުކުރަން ނިންމާފައިވެއެވެ. އަދި މިފަދަ ނިންމުންތަކުގެ ނަތީޖާއަކީ ހެކި ހާޒިރުކުރުމަށް އެދޭ ޚަޞްމެއްގެ ޙައްޤު ގެއްލުނީ ކަމުގައި ބަލަންޖެހޭ ސަބަބެއް ނޫންކަންވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ޢަމަލުކުރަމުން އަންނަ ގޮތަށް ބެލުމުން އެނގެއެވެ. ސުވާލަކީ މައްސަލައެއްގައި ހެއްކަކު ހާޒިރުނުކުރަން ނިންމި ނިންމުން ބިނާވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްތޯ ނުވަތަ ނޫންތޯއެވެ.

މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި ހެކިން ހާޒިރުނުކުރަން ނިންމި ނިންމުން

މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސަޢީދާ މޫސާއަށް ގުދަނުގެ ތަޅުދަނޑި ހަވާލުކުރަން މަސައްކަތް ކުރިކަމަށާއި، އަދި ސަޢީދާ މޫސާ ތަޅުދަނޑިއާ ހަވާލުނުވީކަން ސާބިތުކޮށްދިނުމުގެ ގޮތުން ހުށަހެޅި ހެކިން ސިވިލް ކޯޓަށް ހާޒިރުނުކުރެއެވެ. އަދި ސިވިލް ކޯޓުގެ ނަންބަރު 273/Cv-C/2015 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައިވެސް ހެކިން ހާޒިރުނުކުރަން ނިންމި ސަބަބު ބަޔާންކޮށްފައިނުވެއެވެ.

މައްސަލައެއްގައި ޚަޞްމުން ހާޒިރުކޮށްދިނުމަށް އެދޭ ހެކިން، ނުވަތަ ޚަޞްމުން ހުށަހަޅާ އެއްވެސް ހެއްކަކަށް މައްސަލަ ބަލައި ފަނޑިޔާރުން ރިޢާޔަތް ނުކުރަން ނިންމާނަމަ، ރިޢާޔަތް ނުކުރަން ނިންމި ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެކަމަށް މީގެ ކުރިންވެސް ދިވެހިރާއްޖޭގެ އިސްތިއުނާފީ ކޯޓުތަކުން ކަނޑައަޅާފައިވެއެވެ. އެހެނީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުންވެސް ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމަށް އިސްކަންދޭންޖެހެއެވެ. ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމުގައި ފަނޑިޔާރު ވަކި ނިންމުމަކަށް ވާސިލުވި ސަބަބު މައްސަލައިގެ ޚަޞްމުންނަށް ސާފުކޮށްދޭންޖެހެއެވެ. ސާފުކޮށް ނުދިނުމުގެ ނަތީޖާއެއްގެ ގޮތުން، އިސްތިއުނާފީ މަރުހަލާ ތަކުގައިވެސް ބޭކާރު ގޮތުގައި މައްސަލަ ދިގުލައިގެން ގޮސް، އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުންފަދަ ކަންކަން މައްސަލައިގެ ޚަޞްމުން ތަހައްމަލު ކުރުމުގެ ބިރު އޮތްކަން ފާހަގަކުރެވެއެވެ.

ހުށަހެޅިފައިމިވާ މައްސަލައަކީ އެފަދަ މިސާލެކެވެ. މި މައްސަލައިގެ މައުލޫއުއަށް އެންމެ ފުރަތަމަ ގޮތް ކަނޑައެޅުނު ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގެ މައްސަލަ ނިމުނު ފަހުން، އެ ޤަޟިއްޔާގެ ޙުކުމް ތަންފީޒު ކުރުމުގެ ތަފާތު ތިން މައްސަލައެއް ސަޢީދާ މޫސާގެ ފަރާތުން ހުށަހަޅާފައިވެއެވެ. މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ފުރަތަމަ ޤަޟިއްޔާ ނިމުނުއިރުން ފެށިގެން ގުދަނުގެ ތަޅުދަނޑި ސަޢީދާ މޫސާއާ ޙަވާލުކުރުމަށް މަސައްކަތްކޮށްފައިވާކަމަށް ބުނި ނަމަވެސް، އަދި މިކަން ދަންނާނެ ހެކިންގެ ތަފްޞީލު ކޯޓަށް ހުށަހަޅާފައިވީ ނަމަވެސް، ތަންހުސްކޮށް ޙަވާލުކޮށްދިނުމަށް އެދި ޙުކުމް ތަންފީޒުކުރުމުގެ މައްސަލަ ސިވިލް ކޯޓުގެ ނަންބަރު 565/Cv-C/2014 ޤަޟިއްޔާއިން ސަޢީދާ މޫސާގެ ފަރާތުން ހުށަހެޅީ، ސިވިލް ކޯޓުގެ ނަންބަރު 2255/Cv-C/2013 ޤަޟިއްޔާގެ ޙުކުމްކުރެވުނުތާ އެއްމަހަށް ވުރެ ގިނަދުވަސްވީ ފަހުންކަން އެނގެން އޮންނައިރު، ތަން ހުސްކޮށްދިނުމަށް އެދި ހުށަހެޅިއިރުވެސް، ފުރަތަމަ ޤަޟިއްޔާގެ ދަށުން ދައްކަންޖެހޭ ފައިސާ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައްކައިފައިނުވާކަން އެނގެއެވެ. އެ ފައިސާ ދެއްކީ ތަނުގެ ތަޅުދަނޑިއާ ޙަވާލުވި ފަހުން، ޖެހިގެން އައި އަހަރު 27 އެޕްރީލް 2015 ގައި ކަން އެނގެން އޮވެއެވެ. އަދި ތަން ހުސްކޮށް ތަނުގެ ތަޅުދަނޑި ސަޢީދާ މޫސާއާ ޙަވާލުކޮށްފައިވަނީވެސް ތަންހުސްކޮށް ހޯދުމަށް ހުށަހެޅި ސިވިލް ކޯޓުގެ ނަންބަރު 565/Cv-C/2014 ޤަޟިއްޔާ ކޯޓަށް ހުށަހެޅުނުތާ ގާތްގަނޑަކަށް ތިން މަސް ދުވަސް ވީފަހުންކަން އެނގެއެވެ.

އެހެންކަމުން، ސަޢީދާ މޫސާ ގުދަނުގެ ތަޅުދަނޑިއާ ހަވާލުނުވީ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ސަޢީދާ މޫސާއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާތީކަމަށް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނިނަމަވެސް، އަދި މިކަން ދަންނާނެ ހެކިން ތިބިކަމުގައި ބުނިނަމަވެސް، މި މައްސަލައިގައި ސަޢީދާ މޫސާ ކޯޓު މެދުވެރިކޮށް ޙުކުމް ތަންފީޒުކުރަން މަސައްކަތްކޮށްފައިވާތީ އާއި އަދި މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން މި މައްސަލާގައި ޢަމަލުކޮށްފައިވާގޮތުގެ މައްޗަށް ބަލާއިރު، މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ހެކިން ކޯޓަށް ހާޒިރުކުރިނަމަވެސް، އެ ހެކިންގެ ހެކިބަހަށް ދެވޭނެ މާބޮޑު ބުރަދަނެއް އޮންނާނެކަމަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ.

ވީމާ، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2015/HC-A/311 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާކަމަށް އަހުރެންނަށް ޤަބޫލުނުކުރެވެއެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، 20 ފެބްރުއަރީ 2014 އިން ފެށިގެން ގުދަނުގެ ތަޅުދަނޑި ސަޢީދާ މޫސާއާ ޙަވާލުކުރި ދުވަހާ ހަމައަށް ބަދަލުގެ ގޮތުގައި 76,666/-ރ. (ހަތްދިހަ ހަހާސް ހަސަތޭކަ ފަސްދޮޅަސް ހަރުފިޔާ) މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސަޢީދާ މޫސާއަށް ލިބިދޭންޖެހޭކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ނަންބަރު 273/Cv-C/2015 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2015/HC-A/311 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއްނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ