—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2011/SC-A/36
ދަޢުވާކުރާ ފަރާތް: ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދަޢުވާ ލިބޭ ފަރާތް: ޢަލީ ޙަސަން މާބަގީޗާގެ
މައްސަލައިގެ ބާވަތް: އިންތިޚާބީ ކުށުގެ ޝަކުވާ
މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމު
ހުށަހެޅުނު ތާރީޚް: 13 އޮގަސްޓު 2009
ރަޖިސްޓަރ ކުރެވުނު ތާރީޚް: 17 ޖުލައި 2011 4ދފސދ
ނިމުނު ތާރީޚް: 4 ސެޕްޓެންބަރ 2013
މައްސަލަ ނިންމި ގަޑި: 15:04
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު ޤަޟިއްޔާ:
ނަންބަރު: 2009/HC-I-K/04
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚް: 26 މެއި 2009
ނިމުނު ތާރީޚް: 14 ޖޫން 2009
މައްސަލައިގެ ޚުލާޞާ:
މި މައްސަލައަކީ، 9 މެއި 2009 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޅ. ހިންނަވަރުގައި ބަހައްޓާފައި ހުރި 3-1-01ޖީ ނަންބަރު ވޯޓު ފޮށްޓަށް ޅ. ހިންނަވަރު މާބަގީޗާގެ ޢަލީ ޙަސަން 2 ފަހަރަށް ވޯޓުލާފައިވާ ކަމަށް ބުނެ ޢަލީ ޙަސަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުޅަ ދަޢުވާ ސާބިތުކުރުމަށް ޝަރުޢީ ހަމަތަކުގެ މަތިން ޤަބޫލުކުރެވޭފަދަ ކާފީ ހަރުދަނާ ހެކި ހުށަހެޅިފައި ނުވާކަމަށްޓަކައި ޢަލީ ޙަސަންގެ މައްޗަށް އިންތިޚާބުގައި އެއްބުރެއްގައި ދެފަހަރަށް ވޯޓުލުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2009/HC-I-K/04 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ރަނގަޅު ނޫންކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އެ ޤަޟިއްޔާގެ ޙުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުން ބެލެވިފައިވާ މައްސަލައެކެވެ.
ހައިކޯޓުގެ ނަންބަރު 2009/HC-I-K/04 ޤަޟިއްޔާ ރަނގަޅުނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-I-K/04 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރެވުނު ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ހ) ގައި ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ބަލައިގެންފައި ނުވަނީ އެ ދެފަރާތުން ކުރެ ޅ. ހިންނަވަރު ހިކަރި އަޙްމަދު ޝަރީފަކީ އެރަށު ދާއިރާއަށް ކުރިމަތިލި އަޙްމަދު ޝަރީފް ޢަބްދުއްރަޙްމާނުގެ ފަރާތުން ވޯޓުލާ މަރުކަޒުގައި ހުރި މަންދޫބެއްކަމަށާއި، ޅ. ހިންނަވަރު މާރަނގަ ޢަބްދުލް ޣަފޫރު އާދަމަކީ ދިވެހި ރައްޔިތުންގެ ޕާޓީގެ ފަރާތުން ހުރި އޮބްޒަރވަރެއް ކަމައްވާތީ، ދަޢުވާ ލިބޭ ޢަލީ ޙަސަން އާއި މިދެފަރާތުގެ ދެމެދުގައި ސިޔާސީ ވާދަވެރިކަމެއް އޮތް ދެފަރާތްކަމަށް ބަލައި އެ ދެފަރާތުން ބުނާބުނުމުގައި ވާދަވެރިކަމާއި ޚުސޫމަތްތެރިކަމެއް އޮވެދާނެ ކަމަށާއި އަދި އެފަރާތްތަކަށް މަންފާއެއް އޮވެދާނެކަމަށް ބައްލަވާފައި އޮވެދާނެކަން އެނގެން އޮތްއިރު މި މައްސަލާގައި ދަޢުވާލިބޭ ފަރާތުގެ ބަޔާނަށް ބަލާއިރު، އޭނާއަކީ އެމްޑީޕީގެ ބޭފުޅަކަށް ތާއީދުކުރާމީހެއްކަމަށާއި އެހެންނަމަވެސް ކެމްޕޭނުކުރުމުގައި ބައިވެރިވެފައިނުވާކަމަށާއި އޭނާއަކީ ބޯޓެއްގައި އުޅޭ މީހެއްކަމަށާއި އޭނާ ރަށަށް ގޮސްފައިވަނީ ހަމައެކަނި ވޯޓުލާން ކަމަށް ބުނުމުން އިސްވެ ދެންނެވުނު ދެ ފަރާތުން ކުރެ ފަރާތަކަށް މީނާ ވޯޓުލަނީ ކާކަށްކަން ކަނޑައެޅިގެން އެނގެން ނެތުމުން ހައިކޯޓުގެ ނަންބަރު2009/HC-I-K/04 ޤަޟިއްޔާގައި ފާހަގަކޮށްފައިވާފަދަ، ސިޔާސީ ވާދަވެރި ޚުޞޫމަތްތެރިކަމެއް ނުވަތަ މަންފާއެއް އޮތްކަމަށް ބެލެވޭ ބެލެވުމެއްގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ހެކިން ޙާޟިރު ނުކުރައްވާ މައްސަލަ ނިންމަވާފައި ވުން.
ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) އާއި އެ ޤާނޫނުގެ 46 ވަނަ މާއްދާގެ ދަށުން އޮބްޒަރވަރުން ބޭތިއްބުމާއި އެ ޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކުގައިވާ އުޞޫލުން އޮބްޒަރވަރުން ބޭތިއްބުމުގެ ރޫޙަކީ ޤާނޫނާ ޚިލާފަށް ކަންތައްތަކެއް ވޯޓުލާ ސަރަޙައްދުގައި ހިނގާތޯ ބެލުންކަން އެނގެން އޮތްއިރު، އެ ފަރާތްތަކުގެ ހެކިބަސް ނަންގަވާފައި ނުވުމާއި ހެކިބަހަކީ ޝަރީޢަތުގެ މަޖިލީހުގައި ހުވާކުރުމަށްފަހު ދޭ ހެކިބަހަކަށްވުމުން އިސްލާމީ ޝަރީޢަތުގައިވެސް އަދި ދިވެހިރާއްޖޭގައި ޢަމަލުކުރެވެމުންދާ އެއްވެސް ޤާނޫނެއްގައި ނުވަތަ ޚާއްޞަކޮށް އިންތިޚާބުތަކާބެހޭ ޤާނޫނުގައި މިކަމާބެހޭ އެއްވެސް އުޞޫލެއް ކަނަޑައެޅިފައިނުވުމުން ދައުލަތުން ހުށަހަޅުއްވާފައިވާ ދެ ހެކިންގެ ހެކިބަސް ނުނަންގަވާ މައްސަލަ ނިންމާފައިވާ ނިންމެވުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާއި ޚިލާފަށް ނިންމާފައިވާ ނިންމެވުމަކަށްވުން.
ފާހަގަކުރެވުނު ނުކުތާތައް:
މި މައްސަލައިގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ކަމާބެހޭ ޤާނޫނުތަކަށާއި ދެ ފަރާތުން ހުށަހަޅާފައިވާ ލިޔުންތަކާއި ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކުރާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޖިނާއީ ކުށް ސާބިތުކުރުމަށް ޝަރީޢަތަށް ހުށަހެޅޭ ހެކިތައް ދެ ބަޔަކަށް ބެހިފައިވާ ކަމާއި އޭގެ ތެރެއިން ފުރަތަމަ ބައިގައި ހިމެނެނީ، ސާބިތުކުރަން ބޭނުންވާ ވާޤިޢާ ހިނގާފައިވާކަމުގެ މައްޗަށް ސީދާ ދަލީލުކޮށްދޭ ދަލީލުތައްކަމާއި، އެ ދަލީލުތަކުގެ ތެރޭގައި ހިމެނެނީ ހެކީންގެ ހެކިބަހާއި މުއްތަހަމުގެ އިޢުތިރާފުތައް ފަދަ ސީދާ ދަލީލުތައްކަމާއި ދެވަނަ ބައިގައި ހިމެނެނީ، ނުސީދާ ދަލީލުތައްކަމާއި ނުސީދާ ދަލީލުތަކަކީ ބުއްދީގެ ހަމަތަކުން އިސްތިންބާޠުކުރުން އޭގެ މައްޗަށް ބިނާވާ ދަލީލުތައްކަމާ އެގޮތުން ނުސީދާ ދަލީލަކީ އެ ދަލީލެއް ސާބިތުވެއްޖެނަމަ އަނެއް ވާޤިޢާއެއް ނުވަތަ ކަމެއް ހިނގާފައިވާކަމުގެ މައްޗަށް ބުއްދީގެ ހަމަތަކުން ނުވަތަ މަންޠިޤީ ގޮތުން ދަލީލު ހޯދޭ ހެކިތައްކަމާއި ނުސީދާ ދަލީލުތަކުގެ ތެރޭގައި ޤަރީނާތަކާއި، މާއްދީ ހެކިތަކާއި ފޮރެންސިކް އުޞޫލުތަކާއި ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތްވާގޮތުގެ މަތިން ހުށަހެޅޭ އަދި ޤަޟާއީ ހަމަތަކަށްފެތޭ ސައެންޓިފިކް ނުވަތަ ފަންނީ ދަލީލުތައް ހިމެނޭކަމާއި އަދި ބުނެވިދިޔަ ސީދާ ދަލީލުތަކުގައި ހިމެނޭ ހެކިބަހަކީ ދަޢުވާއާ ގުޅުންހުރި ވާޤިޢާއަކާ ގުޅިގެން ދަޢުވާގައި ހިމެނޭ ޚަޞްމުން ފިޔަވައި ކޮންމެ މީހަކު ދޭ ބަޔާންކަމާއި، މިގޮތުން ހެކިދިނުމުގައި ޝަރުޠުވެގެންވަނީ އެ ހެކިދޭކަމެއް އެ މީހަކަށް އެނގިފައިވަނީ އެ މީހެއްގެ ޙިއްސުތަކުންކުރެ ޙިއްސަކުން ކަމުގައިވުންކަމާއި މިއީ ސީދާގޮތުގައި އަދާކުރާ ހެކިބަސްކަމާއި އަދި ނުސީދާގޮތުގައި ހެކިބަސް އަދާކުރެވޭކަމާއި ނަމަވެސް ނުސީދާކޮށް ދެވޭ ހެކިބަސް ހިމެނެނީ ޤަރީނާގެ ގޮތުގައި ކަމާއި ނުސީދާކޮށް އަދާކުރެވޭ ހެކިބަހަކީ، އެ މީހަކު އަމިއްލައަށް ދެކެފައިނުވާ ވާޤިޢާއަކާ ބެހިގެން އެހެން ފަރާތެއްގެ ކިބައިން ނަޤުލުކޮށްގެން އަދާކުރާ ހެކިބަސްކަމާއި މިފަދަ ހެކިބަސް މީހެއްގެ ކިބައިން ނަޤުލުކުރާއިރު، އެމީހެއްގެ ކިބައިން ނަޤުލުވާ މީހަކީ ވުޖޫދުގައި ހުރިމީހެއްކަން އެނގި ކަށަވަރު ވެފައިވުން ޝަރުޠުވާކަމާއި މިފަދަ ނުސީދާ ހެކިބަހަކުންވެސް ކޯޓަކަށް ޤަރީނާ ހޯދިދާނެކަމާއި، ހެކިންގައި ހުރުން ލާޒިމުވާ އަސާސީ ޝަރުޠުތަކުގެ ތެރޭގައި މިނިވަން އިޚްތިޔާރު ލިބިގެންވުމާއި ތަންދޮރު ވަކިކުރަން ދަތުން ހިމެނޭކަމާއި ވަކިފަރާތަކަށް ޖެހިދާނެކަމަށް ހީވާހީވުމަކީ ހަމައެކަނި އެހީވުމުގެ މައްޗަށް ބިނާކޮށް އެ މީހަކު ޝަރީޢަތަށް ހާޒިރުކޮށް އެމީހެއްގެ ހެކިބަސް ހޯދުން މަނާކުރާ ކާފީ ސަބަބެއް ނޫންކަން އެނގޭކަމާއި ހެކިބަސް ދިނުން މަނާވާނީ ހަމައެކަނި އެމީހެއްގެ އެއްވެސް ދައުރެއް ދަޢުވާގައި އަދި ޝަރީޢަތް ހިންގުމުގައި ހިމެނިފައިވުމުގެ ސަބަބުން އެ މީހަކު ހެކިބަސް އަދާކުރުމަކީ ޢަދުލު އިންޞާފު ނަފީވެދާ ފަދަ މީހުންކަމަށް ޝަރުޢީ އަދި ޤާނޫނީ ގޮތުން ކަނޑައެޅިފައިވާ މީހުންކަމާއި މިފަދަ މީހުންގެ ތެރޭގައި ހިމެނޭނީ ދަޢުވާކުރާ ވަކީލު ނުވަތަ މައްސަލަ ބަލާ ފަނޑިޔާރު (ޤާޟީ) ނުވަތަ ޝަރީޢަތުގެ މަޖިލިސް ހިނގަމުންދާއިރު މަޙްޟަރު ލިޔާ މުވައްޒަފު ފަދަ މީހުންކަމާ ނަމަވެސް މައްސަލައާގުޅޭ ބައެއް އިޖުރާއުތައް ހިންގުމުގައި ޝާމިލުވި ފުލުހުންނާއި ޕްރޮސިކިއުޝަން އިދާރާގެ މެންބަރުން ފަދަ މީހުން ހާޟިރުކޮށް ހެކިބަސް ހޯދުމަކީ ޖިނާއީ އިޖުރާޢާތުގެ ޢާންމު އުޞޫލުގެ ދަށުން މަނާވާކަމެއް ނޫންކަން އެނގޭކަމާއި، ހެކިބަސް ދިނުން ޖިނާއީ ޢާންމު އިޖުރާޢާތުގެ އުޞޫލުން މަނާވާ މީހުންގެ ތެރޭގައި ޕްރޮފެޝަނަލް ގޮތުން ނުވަތަ އަދާކުރާ ވަޒީފާއެއްގެގޮތުން މީހަކާ ބެހިގެން އެފަދަ ޕްރޮފެޝަނަލް މީހަކަށް ނުވަތަ މުވައްޒަފަކަށް އެނގިފައިވާ މަޢުލޫމާތެއް ހާމަކުރުން ޤާނޫނަކުން މަނާވެފައިވާމީހުން ހިމެނޭކަމާ، މީގެ އިތުރުން ހެކިބަސް އަދާކުރުން ތިމާ އަމިއްލައަށް މަނާވެގަތުމުގެ އިޚްތިޔާރު ލިބިގެންވަނީ އެމީހަކާ ތިމާގެ ކަމުގައި އެއްވަނަ ދަރަޖާގައި ހިމެނޭ މީހުންކަމުގައިވާ އެ މީހެއްގެ އަސްލު (މަންމަ، ބައްޕަ، މާމަ، ކާފަ ކިތަންމެ ދުރަކަށް ދިޔަޔަސް) އާއި ފަރްޢު (އެމީހެއްގެ ދަރިންނާއި ދަރިންގެ ދަރިން ކިތަންމެ ދުރަކަށް ދިޔަޔަސް) ކަމުގައިވާ މީހުންނާއި ގާތްތިމާގެ ކަމުގައި ދެވަނަ ދަރަޖަކަމުގައި ހިމެނޭ މީހުން ކަމުގައިވާ ތިމާ ބޮޑުބޭބެ ކިޔާ ނުވަތަ ތިމާއަށް ބޮޑުބޭބެ ކިޔާ (ކިތަންމެ ދުރަކަށް ދިޔަޔަސް) ތިމާއަށް ނުވަތަ ތިމާ ބޮޑުދައިތަ ކިޔާ މީހުންނާއި ފިރިންނާއި އަނބިންނާއި ޅިޔަން ފަހަރިންފަދަ ގާތްތިމާގެ މީހުންކަން އެނގޭއިރު، ދައުވާލިބޭ ފަރާތާ ހެކިދޭމީހާއާ އޮންނަ ގާތް ގުޅުމުގެ ސަބަބުން މަސްލަޙަތު ފުށުއަރާކަމަށް ކޯޓުން ކަނޑައަޅައި ހެކި ރައްދު ނުކުރެވޭހައި ހިނދަކު، ކޯޓަށް ހުށަހަޅާ ހެކިންނަކީ ވަކިފަރާތަކަށްނުޖެހޭ ބައެއްކަން ކުރިންލައި ކަށަވަރު ނުވިނަމަވެސް، އެފަދަ ހެކިންގެ ހެކިބަހަކީ ހަމައެހެން ހެކިބަހެކޭ އެއްފަދައިން މައްސަލަ ބަލާ ފަނޑިޔާރަށް (ޤާޟީއަށް) ވަޒަންކުރުމުގެ ބާރު ލިބޭ ހެކިތަކަކަށްވާތީއާއި އަދި އެ ހެކިބަސް އަދާކޮށްފައިވަނީ މައުޟޫޢިއްޔަތު (objectivity) ކަމާއެކު ވަކި ފަރާތަކަށް ޖެހުމެއް ނެތިކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވިއްޖެ ހިނދެއްގައި ޙުކުމް ބިނާކުރުމުގައި ރިޢާޔަތްކުރެވިދާނެ ހެއްކެއްކަން އެނގެން އޮންނަ އޮތުމެވެ.
(ށ) ދެވަނަ ކަމަކީ، ފަނޑިޔާރު (ޤާޟީ) ގެ އިޤްތިނާޢު (ޤާޟީއަށް ޤަބޫލުކުރެވުން) ކަނަޑައެޅުމުގައި ފަނޑިޔާރަށް ލިބޭ މިނިވަން އިޚްތިޔާރީ ބާރުގެ ދަށުން ވަކި ހެކިބަހެއްގައި ހިފުމާއި ދޫކޮށްލުމުގެ އިޚްތިޔާރު ލިބިގެންވީނަމަވެސް ހެކި ވަޒަންކުރުމުގެ އިޚްތިޔާރީ ބާރު އެ ހެކިބަހުގެ އަޑުއެހުމަކާނުލައި ޤާޟީއަށް ލިބިގެން ނުވާނެކަން އެނގޭކަމާއި ކޯޓަކަށް އެ ކޯޓުން އަޑުނާހައި އޮތް ހެކިބަސް ތަކެއްގެ އަންދާޒާއެއް ނުވަތަ ލަފައެއް ނުކުރެވޭނެކަމާ އަދި އަމުދުން އެ ހެކިބަހަކީ ދިފާޢުވާ ފަރާތުން އަޑުއަހަން އެދޭ ހެކިބަހަކަށް ވެއްޖެނަމަ އެ ހެކިބަހުގެ އަޑުއެހުމަކާނުލައި ނިންމާ ނިންމުމަކީ ދިފާޢުވުމުގެ ޙައްޤަށް ބުރޫއަރާނެ ކަމެއްކަމާއި ޤާނޫނީ ގޮތުން ހެކިންނާ ސުވާލުކުރުމަށްފަހުގައި މެނުވީ ހެކިބަހާމެދު ކޯޓުން ދެކޭގޮތް ކަނޑައެޅުމުގެ ޙައްޤު ކޯޓަށް ނުލިބޭނެކަމާއި، މައްސަލައިގައި ސާބިތުވާގޮތްކަމަށް ފަނޑިޔާރަށް ކުރިން ޤަބޫލުކުރެވިފައި އޮތްގޮތް، އަޑުނޭހި އޮތް ހެކިބަހެއް އަޑުއެހުމުން ބަދަލުވާގޮތްވުމަކީ އެކަށީގެންވާކަމެއްކަން އެނގެން އޮންނަ އޮތުމެވެ.
(ނ) ތިންވަނަ ކަމަކީ، އިސްވެ ބަޔާންކުރެވުނު ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެމައްޗަށް ބަލާއިރު، މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ދެމީހުން ޝަރީއަތުގެ މަޖިލީހަށް ހާޒިރުކޮށް އެދެމީހުންގެ ހެކިބަސް ހޯދުމުގައި ޢަދުލު އިންޞާފު މަނާކުރާ ސަބަބެއްނެތްކަން އެނގެން އޮތް އިރު، ހައިކޯޓުގެ ނަންބަރު2009/HC-I-K/04 ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ 4 ވަނަ ނަންބަރުގެ (ހ) ގައި އެ ދެހެކިން ހާޒިރު ނުކުރި ސަބަބުކަމަށް ބަޔާންކޮށްފައިވާ ސަބަބަކީ ޤާނޫނީ އެއްވެސް އަސާސެއްގެ މައްޗަށް ބިނާވެފައިވާ ސަބަބެއް ނޫންކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ޖިނާއީ ކުށް ސާބިތުކުރުމުގައި، ކުށުގެ މާއްދީ ރުކުން ސާބިތުކުރުމުގެ އިތުރުން މަޢުނަވީ ރުކުން (ކުށުގެ ގަސްދު) މުއްތަހަމުގެ ކިބައިގައި އޮތްކަން ސާބިތުކުރުމަކީ އަސާސީ އެއް ރުކުން ކަމާ އަދި ކުށުގެ ޢަމަލުގައި ބައިވެރިވާ ޝަރީކުން (Accessory) ސާބިތުކުރެވޭނީ ކުށުގެ ޢަމަލު ހިނގާފައިވާކަމާ އަދި ކުށުގެ ޢަމަލު ހިންގި އަސްލު ފާޢިލު (Principal)ން ސާބިތުކުރެވިގެން ކަން އެނގެން އޮންނަ އޮތުމެވެ.
(ބ) ފަސްވަނަ ކަމަކީ، މި މައްސަލައަކީ އެއް ފޮށްޓަކަށް ދެ ފަހަރު ވޯޓުލުމުގެ ކުށުގެ ޢަމަލު ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައަކަށްވާއިރު، ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ އަދި ވޯޓުދިނުމުގެ ޝަރުޠު ފުރިހަމަވާ ކޮންމެ މީހަކަށް އެއް ވޯޓު ދިނުމުގެ މަބްދައުގެމަތިން އެކަކަށް އެއް ވޯޓަށްވުރެ ގިނަ ވޯޓު ނުލެވޭނެކަމާއި އެއް އިންތިޚާބީ ދާއިރާއަށްވުރެ ގިނަ ދާއިރާގައި އެކަކަށް ވޯޓުލެވިގެންނުވުމާއި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހާ ވޯޓުދިނުމުގެ ޙައްޤުން މަޙުރޫމުނުވުން ޔަޤީންކޮށް ދިނުމަށްޓަކައި ވޯޓުދިނުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ރަޖިސްޓަރީ ތައްޔާރުކޮށް ބެލެހެއްޓުމާއި ވޯޓުނެގުމާއި ބެހޭގޮތުން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމު ހަމަޖެއްސުމަކީ އިލެކްޝަންސް ކޮމިޝަނުގެ މަސްޢޫލިއްޔަތަކަށްވެފައި، އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެމަތިން އެ މީހަކީ ކާކުކަން އަންގައި ދިނުމުން، އެ ފޮށްޓަށް ލުމަށްޓަކައި ވޯޓު ކަރުދާސް ދޫކުރުމުގެ ކުރިން އެމީހަކީ ކާކުކަން އަންގައި ދިނުމުން، އެ ފޮށްޓަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުގައިވާ މަޢުލޫމާތު ބަލައި ޗެކް ކުރުމާއި، ކޮންމެ ސަރަޙައްދެއްގައިމެ ހުންނަ ވޯޓު ފޮށްޓަށް ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ލިސްޓުން ވޯޓު ކަރުދާސް ކޮޅު ދޫކުރެވޭ މީހުން ފާހަގަކުރަމުން ދިއުމާއި ވޯޓު ލާން ދާ ކޮންމެ މީހަކަށްވެސް ދޫކުރެވެނީ އެންމެ ވޯޓު ކަރުދާސްކޮޅެއްކަމާއި އެ މީހަކަށް އެ އިންތިޚާބުގެ އެބުރުގައި ވޯޓު ދެވޭނީ އެއް ފަހަރުކަމާއި، އެ މީހަކަށް ވޯޓު ކަރުދާސްކޮޅު ދޫކުރެވުނުކަން ޔަޤީންކުރުމަށްޓަކައި، ވޯޓު ލާން ދާ މީހާގެ އިނގިލީގައި އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެމަތިން ފާހަގަޖެހުންފަދަ ޤާނޫނީ އިޖްރާޢާތުގެ ދަށުން އެކަކަށް ދެ ފަހަރު ވޯޓުނުލެވުން ކަށަވަރު ކުރުމަކީ، އިލެކްޝަންސް ކޮމިޝަނުގެ މަސްޢޫލިއްޔަތަކަށްވާއިރު، 9 މެއި 2009 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޅ. ހިންނަވަރުގައި ބަހައްޓާފައި ހުރި 3-1-01ޖީ ނަންބަރު ވޯޓު ފޮށްޓަށް ވޯޓު ލީ ގޮތާ ބެހޭގޮތުން އިލެކްޝަން ކޮމިޝަނުގެ ރިކޯޑްތަކާއި ލިޔުންތަކުން އެއް ފޮށްޓަށް އެކަކު ދެ ފަހަރު ވޯޓުލާފައި ނުވާކަން އެނގޭއިރު، މި މައްސަލަ ހައިކޯޓުން ބަލައި ނިންމުމުގެ ކުރިއަށް އައި އިޖުރާޢާތެއްކަމަށްވާ ދައުލަތުން ހުށަހެޅި ދެ ހެކިން ހާޟިރުނުކުރި އިޖުރާޢާތަށް އަލުން ޢަމަލުކުރި ކަމުގައިވިޔަސް މި މައްސަލައިގައި ޢަލީ ޙަސަންގެ މައްޗަށް މި ކުށް ސާބިތުކުރެވިދާނެކަމަށް ބެލެވެން ނެތްކަމެވެ.
ޙުކުމް:
އިސްވެދިޔަ ސަބަބުތައް އެގޮތަށް ހުރުމުން، 9 މެއި 2009 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި 2009 ގައި ޅ. ހިންނަވަރުގައި ބަހައްޓާފައި ހުރި 3-1-01ޖީ ނަންބަރު ވޯޓު ފޮށްޓަށް ޅ. ހިންނަވަރު މާބަގީޗާގެ ޢަލީ ޙަސަން 2 ފަހަރަށް ވޯޓުލާފައިވާ ކަމަށްބުނެ ޢަލީ ޙަސަންގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ ފަރާތުން ކުޅަ ދަޢުވާ ސާބިތުކުރުމަށް ޝަރުޢީ ހަމަތަކުގެމަތިން ޤަބޫލުކުރެވޭފަދަ ކާފީ ހަރުދަނާ ހެކި ހުށަހެޅިފައި ނުވާކަމަށްޓަކައި ޢަލީ ޙަސަންގެ މައްޗަށް އިންތިޚާބުގައި އެއްބުރެއްގައި ދެ ފަހަރަށް ވޯޓުލުމުގެ ކުށް ޝަރީޢަތަށް ސާބިތުނުވާކަމަށް ހައިކޯޓުގެ ނަންބަރު 2009/HC-I-K/04 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފުކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށްޓަކައި އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ސަބަބެއްނެތްކަމަށް މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.