ޙަސަން ސަޢީދު ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 37 2021/SC-A/54 ޝަރީޢަތް ނިމުނުގޮތް ޙަސަން ސަޢީދު ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ފަނޑިޔާރު ޙުސްނުއް ސުޢޫދު
ނިމުނު ތާރީޚު 06 ސެޕްޓެންބަރު 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/129 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް ޙަސަން ސަޢީދު، ދުވޭދާރުގެ، ސ. މީދޫ ވަކީލް:
ސީނިއަރ ސްޓޭޓް އެޓަރނީ އީމާނު މުޙައްމަދު ރަޝީދު،
ސްޓޭޓް އެޓަރނީ ޙައްމާދު ވާފިރު ވަކީލު:
މަރްޔަމް ޝުނާނާ
މަދަނީ – މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒިފާއިން ވަކިކުރުން – ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާ - މައުޟޫއީ އަދުލުވެރިކަން – އިޖުރާއީ އަދުލުވެރިކަން – ފުލުހުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރުން ލާޒިމު އިޖުރާއަތްތައް
ފިހުރިސްތު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް 2
ތަޢާރުފު 2
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް 2
ސިވިލް ކޯޓުގެ ނިންމުން 3
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން 5
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް 7
ވަޒީފާއިން ވަކިކުރެވުނު ސަބަބު 12
ފުލުހަކު ވަޒީފާއިން ވަކިކުރެވޭ މައްސަލަތައް ބެލުމުގައި އަމަލުކުރާ މައިގަނޑު ހަމަ 14
މައުޟޫއީ ޢަދުލުވެރިކަން 16
ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ވޭތޯ 17
އިޖުރާއީ ޢަދުލުވެރިކަން 19
ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރެވިފައި ވޭތޯ 20
މައްސަލަ ނިންމަން ފެންނަ ގޮތް 23
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު 23
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 23
ޙުކުމް 23
` ޙަސަން ސަޢީދު ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) [2023] SC 37
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/129 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސ. މީދޫ، ދުވޭދާރުގެ، ޙަސަން ސަޢީދު ގެ ފަރާތުން، ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) ގެ މައްޗަށް ރައްދުވާ ގޮތަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އެ ޤަޟިއްޔާ އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/54 ޤަޟިއްޔާ އިންނެވެ.
2. މިއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު ބުނެވުނު އިސްތިއުނާފީ ޤަޟިއްޔާ ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާ ނިޔާއެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
3. ޙަސަން ސަޢީދު އަކީ 11 ޑިސެންބަރު 2005 އިން ފެށިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް މަގާމުގައި ހުރެ އައްޑޫ ސިޓީ ހިތަދޫ ޕޮލިސް ސްޓޭޝަން ގައި މަސައްކަތްކުރި އިރު 08 ފެބުރުވަރީ 2012 ވަނަ ދުވަހު ޑިއުޓީއަށް ނުކުތުމަށްފަހު ހުއްދަ ނުހޯދާ ޙަސަން ސަޢީދު މާލެ ދިޔައެވެ.1 އަދި އޭގެ ފަހުން ތަކުރާރުކޮށް ޙަސަން ސަޢީދު އަށް އައްޑޫ ސިޓީގައި ޑިއުޓީ އަށް ނުކުތުމަށް އެންގުމުންވެސް އެކަމަށް އޭނާ އިޖާބަދީފައި ނުވެއެވެ. އަދި ފަހުން މާލެ ނޫން ތަނެއްގައި ވަޒީފާ އަދާކުރުމަށް ވަނީ އުޒުރުވެރި ވެފައެވެ.2
4. މިކަމާ ގުޅިގެން ފުލުހުންގެ ޤާނޫނުގެ 63 ވަނަ މާއްދާ އާއި ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުމާއި ބެހޭ ގަވާއިދުގެ 4 ވަނަ މާއްދާ އާއި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާއި ބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ 1 ވަނަ ނަންބަރާއި 4 ވަނަ ނަންބަރުގެ (ހ) އަދި 20 ވަނަ މާއްދާ އާއި ހަވާލާދީ އެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ކ) ގެ ދަށުން 08 އޮގަސްޓު 2012 ވަނަ ދުވަހު ޙަސަން ސަޢީދު ވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރެވިފައެވެ.3
5. ޙަސަން ސަޢީދު ވަޒީފާއިން ވަކިކޮށްފައި ވަނީ މަގުބޫލު އުޒުރެއްނެތި ފުލުހުންގެ ޤާނޫނާއި ޚިލާފަށް ކަމަށް ކަނޑައަޅައި ޙަސަން ސަޢީދު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ވަޒީފާ އަނބުރާ ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި ކުރިއެރުންތައް ލިބުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ރައްދުވާ ގޮތަށް ދިވެހި ދައުލަތުގެ މައްޗަށް ޙަސަން ސަޢީދުގެ ފަރާތުން
29 އޮކްޓޫބަރު 2014 ގައި ސިވިލް ކޯޓުގައި ދައުވާކުރި އެވެ.
ސިވިލް ކޯޓުގެ ނިންމުން
6. ޙަސަން ސަޢީދު ސިވިލް ކޯޓުގައި ދައުވާ އުފުލުމުން މި މައްސަލަ ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 2223/Cv-C/2014 ޤަޟިއްޔާ އިންނެވެ. އަދި މި މައްސަލައިގައި ޙުކުމްކޮށްފައި ވަނީ ޙަސަން ސަޢީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ކޮންސްޓަބަލް އެއްގެ ވަޒީފާއިން ވަކިކޮށްފައި ވަނީ ފުލުހުންގެ ޤާނޫނާއި ގަވާއިދާ ޚިލާފަށް ކަން ޝަރީޢަތަށް ސާބިތު ނުވާ ކަމަށެވެ.
7. ބަޔާންވެ ދިޔަ ގޮތަށް މި މައްސަލައިގައި ޙުކުމް ކުރުމުގައި އަންނަނިވި ކަންކަމުގެ މައްޗަށް ސިވިލް ކޯޓުން ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.
(ހ) ފުރަތަމަ ކަމަކީ، ޙަސަން ސަޢީދު އައްޑޫ ސިޓީގައި ޑިއުޓީގައި ހުރެފައި 08 ފެބުރުވަރީ 2012 ވަނަ ދުވަހުގެ މެންދުރު ފަހު ވަގުތެއްގައި ހުއްދަ ނުހޯދައި މާލެ އައިސްފައި ވާކަން.4
(ށ) ދެވަނަ ކަމަކީ، މާލެ ނޫން ތަނެއްގައި މަސައްކަތް ކުރުމަށް އުޒުރު ދައްކާފައިވާކަން
13 ފެބުރުވަރީ 2012 އާއި 10 މޭ 2012 މި ތާރީޚު ތަކުގައި ޙަސަން ސަޢީދު މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާ ބަޔާންތަކުން އެނގޭކަން.
(ނ) ތިންވަނަ ކަމަކީ، ފުލުހުންގެ ޤާނޫނުގެ 63 ވަނަ މާއްދާ ގައި ފުލުހުންގެ މީހަކު ވަޒީފާ ދޫކޮށް ފިލައިގެން ހިނގައްޖެނަމަ ނުވަތަ ވަޒީފާއިން ފިލައިގެން ދާން އުޅެފިނަމަ އެ މީހަކަށް އެ ޤާނޫނުގެ ދަށުން ނުވަތަ ފުލުހުންގެ ޤާނޫނުގެ ދަށުން ހަދާ ގަވާއިދެއްގައި ބަޔާންކޮށްފައިވާ އަދަބެއް ދެވޭނެ ކަމާއި އަދި ފުލުހުންގެ މީހަކު ވަޒީފާއިން ފިލި ކަމަށް ބެލެވޭނީ އެ މީހަކާއި ހަވާލުކޮށްފައިވާ މަސްއޫލިއްޔަތުން އަމިއްލައަށް ބަރީއަވެ އެ މީހަކާއި ޙަވާލުކޮށްފައިވާ ޑިއުޓީ އެއް ހުއްދަ ނެތި ދޫކޮށް ދިއުން ނުވަތަ ހުއްދަ ނުހޯދާ 14 ދުވަސް ވަންދެން ވަޒީފާ އަށް ޙާޟިރުނުވެ ހުރުމުން ނުވަތަ ކުއްލި ޙާލަތެއްގައި އެ މީހެއްގެ މައްޗަށް ހުރި ވެރިޔަކު ކުރާ އަމުރަކާއި ޚިލާފަށް ވަޒީފާ އަށް ނުނިކުމެ ހުރުން ނުވަތަ ނުކުތުމަށް ދެކޮޅު ހެދުން ހިމެނޭކަން.
(ރ) ހަތަރުވަނަ ކަމަކީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާއި ބެހޭ ޤަވާއިދުގެ 8 ވަނަ މާއްދާ ގައި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް ކަނޑައެޅޭ އަދަބުގެ ތެރޭގައި އެ މާއްދާގެ (ކ) ގައި ވަޒީފާއިން ވަކިކުރުން ބަޔާންކޮށްފައި އޮންނާތީވެ ޙަސަން ސަޢީދު ވަޒީފާއިން ވަކިކޮށްފައި ވަނީ ފުލުހުންގެ ޤާނޫނާ ޚިލާފަށް ބެލިދާނެ ކަމަށް ނުދެކޭކަން.
(ބ) ފަސްވަނަ ކަމަކީ، ޙަސަން ސަޢީދު މޯލްޑިވްސް ޕޮލިސް ސަރވިސް ގައި އަދާކުރަމުން ދިޔަ ވަޒީފާއިން 8 އޮގަސްޓު 2012 ގައި ވަކިކޮށްފައިވާކަން އެނގޭކަން.5
8. ސިވިލް ކޯޓުން މި މައްސަލަ ނިންމުމާ ގުޅިގެން ޙަސަން ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
9. ސިވިލް ކޯޓުގެ ނިންމުން ޙަސަން ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުގެ ނަންބަރު 2019/HC-A/129 ޤަޟިއްޔާ އިން އެ މައްސަލަ ބެލިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ނިންމާފައި ވަނީ ސިވިލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން މިގޮތަށް ނިންމާފައި ވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ރިޢާޔަތް ކޮށެވެ.
(ހ) ފުރަތަމަ ކަމަކީ، ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރިކަން ސިވިލް ކޯޓަށް ހުށަހެޅުނު "މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމް" އިން ސާފު ނުވިކަމުގައި ވިޔަސް އެ ކޯޓަށް ހުށަހެޅުނު އެހެނިހެން ހެކިތަކުން ޙަސަން ސަޢީދު ވަޒީފާއިން ވަކިކޮށްފައި ވާކަން އެނގޭކަން.
(ށ) ދެވަނަ ކަމަކީ، ބުނެވި ދިޔަ "މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމް" ގައި ވަޒީފާއިން ވަކިކޮށްފައި ވާކަން އެނގެން އޮންނަ ކަމުގައި ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައި ވުމަކީ ލިޔުމުގެ ކުށެއް ކަމަށާއި ޙަސަން ސަޢީދު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ސިވިލް ކޯޓުން ފާހަގަކޮށްފައި ވަނީ ހުށަހެޅިފައިވާ ހެކިތަކަށް ރިޢާޔަތް ކުރެވިގެން ކަމަށް ދެކޭ ކަމަށާއި އަދި ވަކި ކަމަކާ ގުޅޭގޮތުން ފާހަގަކުރާ ނުކުތާ އެއްގައި ލިޔުމުގެ ކުށެއް އޮތުމަކީ މައްސަލަ އޭގެ އަސްލުން ނަފީވެގެން ދާނެ ކަމެއް ނޫންކަން.
(ނ) ތިންވަނަ ކަމަކީ، ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން6 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ ދުސްތޫރިއްޔަތު ކަމާއި އަދި މަޝްރޫޢިއްޔަތުގެ އުންސުރުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަން މައްސަލައިގެ ކަންހިނގާފައިވާ ގޮތާއި ހެއްކާއި ޤަރީނާ އިން އެނގެން އޮތްއިރު އެކަމަށް ރިޢާޔަތްނުކޮށް ސިވިލް ކޯޓުން މައްސަލަ ނިންމާފައިވާ ކަމަށް ބުނެ ޙަސަން ސަޢީދުގެ ފަރާތުން ފާހަގަކުރެވިފައިވީ ނަމަވެސް މި ނުކުތާ އަކީ ޙަސަން ސަޢީދުގެ ފަރާތުން ސިވިލް ކޯޓުގައި ފާހަގަކޮށްފައިވާ ނުކުތާ އެއް ނޫން ކަމާއި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން ދަށު ކޯޓުގައި ފާހަގަކޮށްފައި ނުވާ ދިފާއެއް އިސްތިއުނާފީ މަރުޙަލާގައި ބަލައި ނުގަނެވޭނެކަން އެނގެން އޮންނަ ކަމާއި ދަށު ކޯޓުގައި ފާހަގަކޮށް ވާހަކަ ދެއްކުމަށް ފުރުޞަތު ލިބި، ދަށު ކޯޓަށް ހުށަހަޅާފައި ނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެ ކަމަށް މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ7 މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށްފައި ވާކަން.
(ރ) ހަތަރުވަނަ ކަމަކީ، ޑިއުޓީ ގައި ހުރި ފުލުހަކު ހުއްދަ ނުހޯދައި ވަޒީފާގެ މަސްއޫލިއްޔަތުން އެކަހެރިވެ މަޤުބޫލު ސަބަބެއް ނެތި ވަޒީފާ އަށް ނުނިކުމެ ހުރުމަކީ "ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދު" ގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ފަދައިން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ޢަމަލެއް ކަމަށް ބެލެވޭތީ ޙަސަން ސަޢީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައި ވާކަން.
(ބ) ފަސްވަނަ ކަމަކީ، ޙަސަން ސަޢީދު އައްޑޫ ޕޮލިސް ގައި ޑިއުޓީ އަދާކުރަމުން ގޮސް އެތަނުގެ ވެރިއަކަށް ނޭގި 08 ފެބުރުވަރީ 2012 ގައި ފިލައިގެން މާލެ އައިސްފައިވާތީ، އެކަމާ ގުޅިގެން އޭނާ އާ ސުވާލުކޮށް ބަޔާން ނަގާފައި ވާކަމާއި މި މައްސަލަ އާ ގުޅިގެން ޖަވާބުދާރީ ވުމުގެ ފުރުޞަތު ދެވިފައިވާ ކަމާއި ޑިސިޕްލިނަރީ އަދި އިދާރީ ބޯޑުގެ ނިންމުން ޙަސަން ސަޢީދު އަށް އެންގިފައި ވާކަމުން އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައި ވާކަން.
10. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޙަސަން ސަޢީދުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވުނެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތައް
11. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/129 ޤަޟިއްޔާ ނިންމާފައި ވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި ޙަސަން ސަޢީދުގެ ފަރާތުން 05 ނުކުތާ އެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވެއެވެ.
11.1. ފުރަތަމަ ނުކުތާ އަކީ، ޙަސަން ސަޢީދު ވަޒީފާ އަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޓްރެފިކް ޑިއުޓީ އަށް ޙާޟިރުވަމުންދާ ކަމާއި އެކަން ހެކިތަކުން ވެސް އެނގެން އޮތްއިރު، އަދި އެ ކަމަށް ދައުލަތުން އެއްވެސް މަރުޙަލާ އެއްގައި އިންކާރު ކޮށްފައި ނުވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 18 ވަނަ ނުކުތާ ގައި އޭނާ ޑިއުޓީ އަށް ޙާޟިރުވާ ކަމަށް ދައުލަތުން އިންކާރު ކޮށްފައިވާ ކަމަށް ފާހަގަކޮށް، ޑިއުޓީ އަށް ޙާޟިރުވާ ކަން ސާބިތު ކުރުމަށް ހެކި ހުށަހަޅާފައި ނުވާ ކަމަށް ފާހަގަކޮށް، ޙަސަން ސަޢީދު ވަޒީފާ އިން ވަކިކޮށްފައި
ވަނީ މަޢުޟޫއީ ޢަދުލުވެރިކަން ގާއިމު ކުރުމަށްފަހު ކަމަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2019/HC-A/129 ޤަޟިއްޔާގައި ކަނޑައަޅާފައި ވަނީ ޝަރީޢަތުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކާއި ހެއްކާއި ޤަރީނާ އަށް ރަނގަޅަށް ރިޢާޔަތް ކުރުމެއް ނެތި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި، މަޢުޟޫއީ ޢަދުލުވެރިކަން ގާއިމްކޮށްފައި ވާކަން ވަޒީފާދޭ ފަރާތުން ސާބިތު ކޮށްދޭންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑު8 އާއި އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު9 ޤަޟިއްޔާ އިން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަން.
11.2. ދެވަނަ ނުކުތާ އަކީ، ވަޒީފާއިން ވަކިކުރީ މަޢުޟޫއީ ޢަދުލުވެރި ކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމު ކުރުމަށްފަހު ކަނޑައެޅޭނީ އެ ނިންމުން ނިންމުމުގެ ޤާނޫނީ ބާރު އޮތް ފަރާތަކުން ކަމަށް ވާއިރު، ޑިސިޕްލިނަރީ ބޯޑުން ވަޒީފާއިން ވަކިކުރިކަން ސާބިތު ކުރުމަށް ދައުލަތުން އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅި އައު ހެކި ބަލައިގަތުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުގެ އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް10 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ އުޞޫލުގެ ދަށުން އެ ހެކި ބަލައި ގަނެވޭނެ އެއްވެސް އުޒުރެއް ނެތުމުން، އެ ހެއްކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމުމެއް ނެތި އެހެން ނަމަވެސް ވަޒީފާއިން ވަކިކޮށްފައި ވަނީ ޤާނޫނާ އެއް ގޮތަށް ކަމަށް ކަނޑައަޅާފައި ވަނީ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން11 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ ދުސްތޫރިއްޔަތު ކަމާއި (constitutionality) އަދި މަޝްރޫޢިއްޔަތު (legality) ގެ އުންސުރުތަކާއި އަދި ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު12 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ ވަޒީފާއިން ވަކިކުރީ މަޢުޟޫއީ ޢަދުލުވެރި ކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރުމާ ގުޅޭ އުޞޫލާ ޚިލާފަށް ކަން.
11.3. ތިންވަނަ ނުކުތާ އަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަމީދު ވ. ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)13 ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރެވޭނީ ޑިސިޕްލިނަރީ ބޯޑުން ކަމާއި ވަޒީފާއިން ވަކިކުރުމުގެ ނިންމުމެއް ބޯޑުން ނިންމުމަށްފަހު، އެފަދަ ނިންމުމެއް ތަންފީޒު ކުރުމަށް ކޮމިޝަނަރ އޮފް ޕޮލިސް އަށް ފެންނަ ކަމުގެ ލިޔުމެއް މިނިސްޓަރަށް ހުށަހަޅާފައި ނުވާނަމަ ބެލެވޭނީ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވާއިރު، ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރަން ނިންމީ ޙަސަން ސަޢީދު ފިލައިގެން އުޅޭތީ ކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައި ވާތީ ކަމަށް ބުނެ ހުށަހެޅި ލިޔުމުން ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމަށް ނިންމާފައި ނުވާ ކަމާއި އެފަދަ ނިންމުމެއް މިނިސްޓަރަށް ހުށަހެޅި ލިޔުން ނެތްކަން ސާފުކޮށް އެނގެން އޮތްއިރު، ޑިސިޕްލިނަރީ އަދި އިދާރީ ކުށް ތަކާއި، އެ ކުށްތަކުގެ އަދަބު ދިނުމާބެހޭ ގަވާއިދުގެ 6 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާ މުޙައްމަދު ޙަމީދު ވ. ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) 14ޤަޟިއްޔާ ގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް މައްސަލަ ނިންމާފައިވުން.
11.4. ހަތަރުވަނަ ނުކުތާ އަކީ، ވަޒީފާއިން ވަކިކޮށްފައި ވަނީ ކުރިން ފިޔަވަޅު އަޅާފައިވާ ކަމަކާ ގުޅޭގޮތުން ކަމަށް ވާއިރު، އެއީ އެއް ކަމަކަށް ދެ ފިޔަވަޅު އެޅުން ކަމަށް ވާތީ، އެއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް15 ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ އެއް ކަމަކާ ގުޅޭގޮތުން ދެ ފިޔަވަޅެއް އެޅުން މަނާކުރާ އުޞޫލާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/129 ޤަޟިއްޔާ އިން މައްސަލަ ނިންމާފައި ވާކަން.
11.5. ފަސްވަނަ ނުކުތާ އަކީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ ދަށުން ފުރަތަމަ ފަހަރަށްވެސް ވަޒީފާއިން ވަކިކުރެވޭނީ އެ ގަވާއިދުގެ 8 ވަނަ މާއްދާ ގައިވާ ތަރުތީބަށް ރިޢާޔަތްކޮށް އެއީ އިސްލާހީ ފިޔަވަޅު އަޅައިގެން ރަނގަޅު ކުރެވޭނެ ކަމެއް ކަމަށް ވާނަމަ، އެ އިސްލާހީ ފިޔަވަޅު އެޅުމަށްފަހު ކަމަށް ވާއިރު، އެފަދަ އިސްލާހީ ފިޔަވަޅެއް އެޅުމެއް ނެތި ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުން، އެއީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/129 ޤަޟިއްޔާ އިން ނިންމާފައި ވަނީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާ އާއި އެ ގަވާއިދުގެ 9 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަން.
12. ޙަސަން ސަޢީދު މި އިސްތިއުނާފުގައި ބަޔާންކޮށްފައި ވަނީ 5 (ފަހެއް) ނުކުތާ އެވެ. އެ ނުކުތާތަކުގެ އަޞްލު ބިނާކޮށްފައި ވަނީ ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރި ކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަން ސާބިތުކޮށް ދިނުމަށް ކަން އެނގެއެވެ. މިގޮތުން ފާހަގަކުރާ ކަންކަމުގެ ޚުލާސާއެއް ތިރީގައި އެ ވަނީ އެވެ.
12.1. 8 ފެބުރުވަރީ 2012 ވަނަ ދުވަހު ޙަސަން ސަޢީދު ވަޒީފާ އަދާކުރަމުން ދިޔަ ތަން ކަމުގައިވާ އައްޑޫ ސިޓީ އިން ހުއްދަ ނުހޯދައި މާލެ އައި ކަމާއި އަދި އެއަށްފަހު ޓްރެފިކް ޑިއުޓީ އަށް މާލޭ ގައި އޭނާ ނިކުންނަމުން ދިޔައިރު އެ ޙަޤީގަތަށް ބެލުމެއް ނެތި އެ ހާދިސާ ހިނގިތާ އެތަށް މަސްތަކެއް ފަހުން އެ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި، ވަޒީފާއިން ވަކިކޮށްފައި ވާއިރު އެކަމާ ގުޅުވައި ދެ ފަރާތުން ދައްކާފައިވާ ވާހަކަ ތަކަށް ރިޢާޔަތްކުރުމެއް ނެތި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައި ވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 އާ ޚިލާފަށް ކަމަށް ދެކި އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ފާހަގަކުރާ ކަން.
12.2. ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގެ ބާރު އޮންނަނީ ޑިސިޕްލިނަރީ ބޯޑުން ކަމާއި އަދި އެއަށްފަހު އެ ނިންމުން ކޮމިޝަނަރ އޮފް ޕޮލިސް ކަށަވަރުކޮށް މިނިސްޓަރަށް ހުށަހެޅުމުން ވަޒީފާއިން ވަކިވާނެ ކަމަށް އިޖުރާއަތު ތަކުގައި ކަނޑައެޅިފައިވީ ކަމުގައި ވިޔަސް ޙަސަން ސަޢީދު ވަޒީފާއިން ވަކިކޮށްފައިވާ ބުނެވި ދިޔަ އިޖުރާއަތާ ޚިލާފަށް ކަމަށް ދެކި އިސްތިއުނާފީ ދެވަނަ ނުކުތާ އާއި އަދި ތިންވަނަ ނުކުތާގެ ތަފްސީލުގައި އޭނާ އިޝާރާތްކުރާ ކަން.
12.3. ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދު ގައިވާ ގޮތުގެމަތިން ފިޔަވަޅު އެޅޭއިރު އެ ގަވާއިދުގެ 8 ވަނަ މާއްދާ ގައި ތަރުތީބެއް ކަނޑައެޅިފައި އޮންނަ ކަމާއި، ވަޒީފާއިން ވަކިކުރުމުގެ ކުރިއަށް އިސްލާޙީ ފިޔަވަޅު އެޅުމުގެ ފުރުސަތު އޮތް ކަމާއި އަދި އެ ގޮތުގެމަތިން ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކޮށްފައި ނުވާ ކަމަށް ދޭހަވާ ގޮތަށް އިސްތިއުނާފީ ފަސްވަނަ ނުކުތާގައި އުފައްދާ ބަހުސް.
13. އިސްތިއުނާފީ ނުކުތާ ތަކަށް ނަޒަރު ކުރާއިރު، އިސްތިއުނާފީ ހަތަރު ވަނަ ނުކުތާ އާއި އަދި ފަސްވަނަ ނުކުތާ ގައިވާ ކަންކަމަކީ، މި އިސްތިއުނާފުގެ ޖަވާބުގައި ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމަތީ ގައި އޮތް ބަހުސެއް ވެސް ނޫނެވެ. ނަތީޖާ އެއްގެ ގޮތުން، ކޯޓުތަކާބެހޭ ޤާނޫނުގެ 16 ވަނަ މާއްދާގެ ތަރަހައިގެ ތެރެއިން މި ދެ ނުކުތާ ބަލައިގަނެ ގޮތެއް ކަނޑައެޅުމެއް ނުވެއެވެ. އިސްތިއުނާފު ކުރެވޭ މައްސަލަ އެއްގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމަކީ ލާޒިމު ކަމެކެވެ. ނުވަތަ އެ ނިންމުމަށް ވާސިލު ވުމުގައި ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި ވާނަމަ ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތިވެފައި ވާކަން ފެންނަން އޮންނަން ވާނެއެވެ. މިއިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް، ޢާންމު ގޮތެއްގައި އެ ކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެ އެވެ. ނުވަތަ އެ ކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެ އެވެ. މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ހާލަތްތައް ތަފުސީލު ކުރަމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނަގަހައްޓަމުންދާ ހަމައެވެ.16
14. ވުމާއެކު، މިހާރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރިމަތީގައި މި އޮތް މައްސަލައިގެ އިސްތިއުނާފު ގައި ގޮތެއް ކަނޑައަޅަން ޖެހެނީ އިސްތިއުނާފީ ފުރަތަމަ ނުކުތާ އާއި ދެވަނަ ނުކުތާ އާއި އަދި ތިންވަނަ ނުކުތާ ގައި ދައުރުވާ ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރި ކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވޭތޯ ބެލުމުގެ މައްޗަށެވެ.
ވަޒީފާއިން ވަކިކުރެވުނު ސަބަބު
15. ޙަސަން ސަޢީދު ދިވެހި ފުލުހުންގެ ވަޒީފާއިން ވަކިކުރެވިފައި ވަނީ 08 ފެބުރުވަރީ 2012 ވަނަ ދުވަހު އޭނާ ވަޒީފާ އަދާކުރަމުން ދިޔަ ތަން ކަމުގައިވާ އައްޑޫ ސިޓީ އެލަރޓް ޙާލަތުގައި ވަނިކޮށް، ހުއްދަ ނުހޯދައި ޑިއުޓީ ދޫކޮށް މާލެ އައިސްފައި ވުމާއެކު، މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދެއްގެ ޑިއުޓީ އަށް ދިއުމަށް އިއުތިރާޟުކޮށްފައި ވާތީކަން އެނގެއެވެ. މިކަމަށް ޙަސަން ސަޢީދު އިންކާރެއް ނުވެސް ކުރެއެވެ. އަދި މިއީ ސީރިއަސް ޑިސިޕްލިނަރީ އަދި އިދާރީ ކުށެއްކަން އޭނާ އަށް އެނގޭކަން ވެސް އެނގެއެވެ.17
16. މި ސަބަބަށްޓަކައި ޙަސަން ސަޢީދު ވަޒީފާއިން ވަކިކޮށްފައި ވަނީ، ފުލުހުންގެ ޤާނޫނުގެ 63 ވަނަ މާއްދާ އާއި ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުމާބެހޭ ގަވާއިދުގެ 4 ވަނަ މާއްދާ އާއި، ޑިސިޕްލިނަރީ އަދި އިދާރީ ކުށް ތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ 1 އާއި 4 ގެ (ހ) އަދި 20 ވަނަ މާއްދާ އާ ޙަވާލާދީ އެ ގަވާއިދުގެ 8 ވަނަ މާއްދާގެ (ކ) ގެ ދަށުންނެވެ.
17. ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި ހަވާލާ ދެވިފައިވާ ފުރަތަމަ ކަމަކީ ފުލުހުންގެ ޤާނޫނުގެ 63 ވަނަ މާއްދާ ގައި ބުނާ ވަޒީފާއިން ފިލުމެވެ. ވަޒީފާއިން ފިލުމުގެ މާނައިގެ ތެރޭގައި އެމީހަކާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތުން އަމިއްލައަށް ބަރީއަވެ އެ މީހަކާ ޙަވާލުކޮށްފައިވާ ޑިއުޓީ އެއް ހުއްދަނެތި ދޫކޮށް ދިއުން، ނުވަތަ ހުއްދަ ނުހޯދާ 14 ދުވަސް ވަންދެން ވަޒީފާ އަށް ޙާޟިރުނުވެ ހުރުން ހިމެނެއެވެ.18 އަދި ވަޒީފާ އަދާކުރަންވީ ތަންތަން ކަނޑައެޅުމާއި ބަދަލުކުރުމާއިބެހޭ ގަވާއިދުގެ 4 ވަނަ މާއްދާ އަކީ ވަޒީފާ އަދާކުރާ ތަން ކަނޑައެޅުމުގެ ތަރުތީބު ބަޔާންކުރާ މާއްދާ އެއް ކަމާއި އަދި މި ދެންނެވި ތަރުތީބު ކަނޑައަޅަނީ ކޮމިޝަނަރ އޮފް ޕޮލިސް ނުވަތަ އެކަން ކުރުމަށް ކޮމިޝަނަރ ކަނޑައަޅާ ފަރާތެއްކަން އެނގެއެވެ. ހަމަ މިއާއެކު، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާ އަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތައް ބަޔާންކުރާ މާއްދާ އެވެ. ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި ޙަވާލާ ދެވިފައި ވަނީ 7 ވަނަ މާއްދާގެ (ހ) ގެ 1 ގައި ބުނާ ފުލުހުންގެ ކޯޑް އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓުގައި ބަޔާންކޮށްފައިވާ ކަންތައް ތަކާއި ޚިލާފު ވުމާއި އަދި 4 ވަނަ މާއްދާ ގައި ބުނާ ވެރިންގެ އަމުރަށް ނުކިޔަމަންތެރި ވުމާއި އަދި 20 ވަނަ މާއްދާ ގައި ބުނާ ޖިނާއީ ކުށަކަށް ނުހިމެނޭ އަޚުލާޤީ ކުށެވެ.
18. ވުމާއެކު، ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރެވުނު ސަބަބު އެ ގޮތުގެމަތިން އޮތް ކަމަށް ދެ ބަސްވުމެއް ނެތް ހިނދު، ފިޔަވަޅު އަޅާފައި ވަނީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމަށެވެ.
ފުލުހަކު ވަޒީފާއިން ވަކިކުރެވޭ މައްސަލަތައް ބެލުމުގައި އަމަލުކުރާ މައިގަނޑު ހަމަ
19. ފުލުހުންނަކީ، ހުވައެއް މަތީގައި ތިބެ، ޤާނޫނު ތަންފީޒުކޮށް އަމަން ބަލަހައްޓާ މުއައްސަސާއެއްގައި މަސައްކަތްކުރާ ބަޔަކު ކަމަށް ވާތީ، ޤާނޫނު ތަންފީޒު ކުރުމާއި އަމާން ބެލެހެއްޓުމާ ގުޅޭ ކަންކަމުގައި ފުލުހުންގެ މުއައްސަސާ އަށް އެއްބާރުލުން ދިނުމާއި ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބު ކަމަށް ވާއިރު، އެ ވާޖިބާ ފުށުއަރާ ފަދަ ގޮތަކަށް ފުލުހެއްގެ އަމަލު ހުރެއްޖެނަމަ، އެކަމުގެ ސަބަބުން މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވާތީވެ، ފުލުހުންގެ ގަވާއިދު ތަކާއި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައި ވޭތޯ ބެލުމުގައި ރިޢާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ އާންމު ޤާނޫނުގެ ދަށުން ރިއާޔަތްކުރާ ސާބިތު ކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ.19
20. ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ މައްޗަށް ހިނގަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނު20 ގައި ބަޔާންކޮށްފައިވާ އާންމު ހަމަތަކާއި މިންގަނޑުތަކެއް ނޫނެވެ. ފުލުހުން ވަޒީފާއިން ވަކިކުރުމުގައި ތަބާވާންޖެހޭނީ ފުލުހުންގެ ޤާނޫނާއި އަދި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ އުޞޫލުތަކުގެ މައްޗަށެވެ.
21. ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފުލުހަކު ޤާނޫނާ ނުވަތަ ގަވާއިދާ ޚިލާފު އަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވެފައި ވޭތޯ ބެލުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުގެ މަސްއޫލިއްޔަތަކީ، ފިޔަވަޅު އެޅުމަށް އެކަށޭނަ ހެކި ހުރިތޯ ވަޒަންކުރުމެވެ. ގަވާއިދާ ޚިލާފު އަމަލުތަކުގެ ތެރޭގައި ފުލުހުންގެ އެންމެހައި ގަވާއިދު ތަކާއި ކޯޑް އޮފް އެތިކްސް، ކޯޑް އޮފް ކޮންޑަކްޓްސް އަދި އަމަލުކުރަންޖެހޭ އިޖުރާއަތު ތަކާއި އުޞޫލުތައް ހިމެނެއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ތާޙާ21 އެ ޤަޟިއްޔާ ގައި ބަޔާންކޮށްފައިވާ އުޞޫލަށް ބަލާއިރު، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަ އެއް ކޯޓަށް ހުށަހެޅިއްޖެނަމަ، އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަން ޖެހޭކަން އެނގެއެވެ.
(ހ) ފުރަތަމަ ކަމަކީ، ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތް ކަމަށް އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބު ތަކުގެ ޙަޤީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަޙްޤީޤެއް ކޮށްފައިވޭތޯ އެވެ.
(ށ) ދެވަނަ ކަމަކީ، އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑުގެ ކުރިމަތީގައި އެ ވަގުތު އޮތްތޯ ނުވަތަ ނޫންތޯ އެވެ.
22. މަތީގައި އެވާ ހަމަތައް މި މައްސަލަ އަށް ތަޠުބީޤު ކުރާއިރު ޙަސަން ސަޢީދު ވަޒީފާއިން ވަކިކޮށްފައި ވަނީ ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ތަޙްޤީޤު ކުރެވިގެންނެވެ. އަދި އޭނާ ވަޒީފާއިން ވަކިކުރެވިފައި ވަނީ އައްޑޫ ސިޓީ ގައި ޑިއުޓީ އަށް ހުރެފައި ހުއްދަ ނުހޯދައި ޑިއުޓީ ދޫކޮށް މާލެ އައުމުން ކަމަށް ވެފައި އެކަމާ ގުޅޭ ގޮތުން ޙަސަން ސަޢީދާ ސުވާލު ކުރުމުން އެކަމަށް އޭނާ ވަނީ އިޤުރާރު ވެފައެވެ. ވުމާ އެކު، ޙަސަން ސަޢީދުގެ މައްޗަށް ކުރެވުނު ތުހުމަތުތަކުގެ މައްޗަށް އެކަށީގެންވާ ގޮތެއްގައި ތަޙްޤީޤު ކުރެވި، ވަޒީފާއިން ވަކި ކުރެވުނުއިރު ކުރެވުނު ތުހުމަތު ތަކަށް ޙަސަން ސަޢީދު އިޤުރާރު ވެފައި ވުމާއެކު ވަޒީފާއިން ވަކި ކުރުމުގައި މައުޟޫޢީ ޢަދުލުވެރި ކަމާއި އަދި އިޖުރާޢީ ޢަދުލުވެރިކަން ގާއިމު ކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ތަފްސީލު ތިރީގައި ބަޔާންކުރެވިފައި އެ ވަނީއެވެ.
މައުޟޫއީ ޢަދުލުވެރިކަން
23. ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ގާއިމުވެފައި ވޭތޯ ކަނޑައެޅުމުގައި ކޯޓުތަކުން ބަލަންވާނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައި ވޭތޯކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އެޓަރނީ ޖެނެރަލްގެ އޮފީސް ވ.އަޒުހަރު ރަޝާދު22 މި ޤަޟިއްޔާ ބެލުމުން އެނގެއެވެ.
24. ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބުނެފައި ވަނީ ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ؛
"މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަހުލީލަކުން މުވައްޒަފަކު ގާނޫނާ ނުވަތަ ގަވާއިދާ ޚިލާފު އަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ހާލަތެއްގައި، އެ ކުޅަ އަމަލުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން"
މި ފަދައިންނެވެ.
25. މަތީގައި ބަޔާންކުރެވިފައިވާ މާއްދާގެ ނައްޞަށް ބަލައި ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އަށް ބެލުމުން ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ކަމެއް ފުރިހަމަވެގެން ކަން އެނގެއެވެ.
(ހ) ފުރަތަމަ ކަމަކީ، ފުލުހަކު ޤާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވުން އަދި؛
(ށ) ދެވަނަ ކަމަކީ، ފުލުހަކު ޤާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ އެ އަމަލަކީ އެ އަމަލުގެ ސަބަބުން، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީ އަށް ފެނުމުން ކަމެވެ.
ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ވޭތޯ
26. މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ޙަސަން ސަޢީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ދޭހަ ވަނީ، 08 ފެބުރުވަރީ 2012 ގައި އައްޑޫ ސިޓީ އެލަރޓު ޙާލަތުގައި އޮތްވައި، ހުއްދަ ނުހޯދައި މާލެ އަންނަން ޖެހުނީ، ޒަރޫރީ ބޭނުމަކަށް މާލެ އައުމަށްޓަކައި ހުއްދަ ހޯދުމަށް މަސައްކަތްކޮށް ހުއްދަ ނުލިބުމުންނެވެ. މާލެ އައުމަށްފަހު، އޭނާ މާލޭގެ ޓްރެފިކް ޕޮލިހަށް ޑިއުޓީ އަށް ނިކުންނަމުން ދިޔަ ކަމަށް އޭނާ ބުނެއެވެ. އަދި 08 ފެބުރުވަރީ 2012 ގައި ހިނގި ހާދިސާއަކާ ގުޅިގެން އޭގެ އެތަކެއް މަސް ފަހުން އެ އަހަރުގެ އޮގަސްޓު މަހުގެ 08 ވަނަ ދުވަހު، ވަޒީފާއިން ވަކިކުރުމުން އެކަން ބަލައި ނުގަނެވޭ ކަމާއި، މިހާ ދިގު މުއްދަތެއް ފިޔަވަޅު އެޅުމުގައި ފަހަނައަޅައި ދިއުމުން އޭނާ ކުރި ކުށަށް މައާފު ލިބިފައިވާ ކަމަށް ދެކޭ ކަމަށެވެ.
27. މީގެ ޖަވާބުގައި ޙަސަން ސަޢީދު ޒަރޫރީ ބޭނުމަކަށް ޗުއްޓީ އަށް އެދިފައިނުވާ ކަމާއި އަދި އޭނާ ވަޒީފާ އަދާ ކުރާތަން މާލެއަށް ބަދަލު ކުރެވިފައި ނުވާ ކަމަށް ދައުލަތުން ބުނެފައި ވެއެވެ. ޙަސަން ސަޢީދު އައްޑޫ ސިޓީ ގައި ޑިއުޓީ ގައި ހުރެފައި ހުއްދަ ނުހޯދައި 08 ފެބުރުވަރީ 2012 ގައި މާލެ އައުމާ އެކު އެ މައްސަލަ ތަޙްޤީޤު ކުރަން ފެށިއެވެ. އަދި 13 ފެބުރުވަރީ 2012 ގައި އޭނާގެ ބަޔާނެއް ނެގުނެވެ. އެއަށްފަހު 14 ފެބުރުވަރީ 2012 ގައި ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅައި،
10 މޭ 2012 ގައި އިތުރު ބަޔާނެއް ނަގައި އޭނާ ޑިސިޕްލިނަރީ ބޯޑަށް ޙާޟިރު ކުރެވި
08 އޮގަސްޓު 2012 ގައި ވަޒީފާއިން ވަކިކުރަން ނިންމާފައި ވާތީވެ ޙަސަން ސަޢީދު ކުރި ކުށަށް މައާފުކޮށްފައި ނުވާ ކަމަށް ދައުލަތުން ބުނެއެވެ.
28. ޙަސަން ސަޢީދު ފާހަގަކުރާ ފަދައިން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމުގެ ޙަޤީގަތް ދެނެގަނެ އަވަސް މިނެއްގައި ތަޙްޤީޤު ކުރެވި ފިޔަވަޅު އެޅިފައި ނުވާކަން އެއީ ޙަޤީގަތެކެވެ. ނަމަވެސް، މި ލަސްވުމުގެ ނަތީޖާ ނުވަތަ ފިޔަވަޅު އެޅުމުގައި ހިނގާ ދިޔަ މުއްދަތުގައި މާލޭގައި ޓްރެފިކް ޕޮލިހަށް ޑިއުޓީ އަށް ނުކުމެ ވަޒީފާގައި ދެމިހުރުމަކީ، ޙަސަން ސަޢީދު ކުރި ޢަމަލަށް މަޢާފު ކުރެވުނީ ކަމަށް ބަލާނެ ހަމައެއް ނެތެވެ. އެހެނީ، ކަމެއް މަޢާފުކުރެވިފައި ވާނަމަ، އެކަން ސާބިތުވާނެ ހަރުދަނާ ހެކި ފެންނަން ހުންނަން ވާނެއެވެ.
29. ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމަށް ދިމާވި ސަބަބު ކަމުގައިވާ ހުއްދަ ނުހޯދައި ޑިއުޓީގައި ހުރެފައި މާލެ އައުން އެއީ މި މައްސަލައިގައި އޮތް ދެބަސްވާ ޙަޤީގަތެއް ނޫނެވެ. ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރެވިފައި ވަނީ ފުލުހުންގެ ގަވާއިދުގެ 24 ވަނަ މާއްދާ އަށް ރިޢާޔަތްކުރެވި ފުލުހުންގެ ޤާނޫނުގެ 63 ވަނަ މާއްދާ ގައި ބުނާ ވަޒީފާ ދޫކޮށް ފިލުމުގެ ސަބަބުންނެވެ. އެއަށްފަހު، މާލެ ފިޔަވައި ރާއްޖޭގެ އެހެން ސަރަޙައްދު ތަކުގެ ޑިއުޓީ އަށް ނުކުތުމަށް އިންކާރުކޮށްފައި ވާކަން އޭނާ ދީފައިވާ ބަޔާންތަކުން އެނގެއެވެ. ވުމާއެކު، ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރިއިރު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގެ ކުރިމަތީ ގައި އޮތް ސަބަބަކީ، އޭނާ ފުލުހުންގެ ޤާނޫނާއި ގަވާއިދާ ޚިލާފުވިކަމީ ދެބަސް ނުވެ އޮތް ޙަޤީގަތެކެވެ.
30. މަތީގައި ބަޔާންކުރި ކަންކަން އެހެން ހުރުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ޙަސަން ސަޢީދު ވަކިކުރުމަށްޓަކައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އޭނާގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމުގެ ޙަޤީގަތް ދެނެގަނެ ތަޙްޤީޤެއް ކުރެވުނު ކަން އެނގެއެވެ. އަދި ޙަސަން ސަޢީދުގެ މައްޗަށް ތުހުމަތު ކުރެވުނު ވަޒީފާ އަށް ފިލުމުގެ އަމަލަކީ، އެ އަމަލުގެ ސަބަބުން، އެފަދަ މީހަކު އިތުރަށް ވަޒީފާ ގައި ބަހައްޓައިފިނަމަ އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއް ކަމަށް ދެކެމެވެ. އެހެނީ، ފުލުހުންނަކީ ޔުނީފޯމު އަޅައި، ހުވައެއްގެ މަތީގައި ތިބެ، މަތިން ތިރިއަށް އަމުރުކުރެވި، ގައުމުގެ އަމަން އަމާންކަން ގާއިމު ކުރުމުގެ ޚިދުމަތުގައި ތިބޭ ބަޔަކަށް ވާއިރު، މި އުޞޫލުން ބޭރުން ޑިއުޓީ އަށް ނުކުތުމަށް އުޒުރުވެރިވެ އަދި އަމިއްލަ އަށް ޑިއުޓީ އަށް ނިކުންނާނެ ތަނެއް ކަނޑައަޅައި ޑިއުޓީ ދޫކޮށް ދިއުން ފަދަ ކަން ކަމަކީ ވަރަށް ސީރިއަސް ޑިސިޕްލިނަރީ ކުށްތަކެވެ. ވީމާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ޙަސަން ސަޢީދު ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ގާއިމުކުރެވިފައިވާ ކަމަށް ގަބޫލުކުރެވެއެވެ.
އިޖުރާއީ ޢަދުލުވެރިކަން
31. ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައި އޮތުން ލާޒިމުވެގެން ވެއެވެ. ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައިވާ ކަމަށް ބެލެވޭނީ އެންމެ ކުޑަމިނުން އަންނަނިވި ކަންކަން ފުރިހަމަ ވެގެންނެވެ.23
(ހ) ފުރަތަމަ ކަމަކީ، ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާނޫނާއި ނުވަތަ ގަވާއިދާއި ނުވަތަ ކޯޑް އޮފް ކޮންޑަކްޓާއި ނުވަތަ ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތަކާއި ނުވަތަ އުޞޫލަކާއި ޚިލާފުވެއްޖެ ކަމަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ތަފްސީލާއެކު) އެ ފުލުހަކަށް އެންގުން.
(ށ) ދެވަނަ ކަމަކީ، ތުހުމަތު ކުރެވުނު ކަންކަމާ ގުޅޭ ގޮތުން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ މައްސަލަތައް ބަލާ ބޯޑުން ނުވަތަ ކޮމިޓީ އިން އެ ފުލުހަކަށް އެ ބޯޑުގެ ނުވަތަ ކޮމިޓީގެ ކުރި މައްޗަށް ހާޒިރުވެ އެ ތުހުމަތު ތަކާމެދު ޖަވާބުދާރީ ވުމުގެ ފުރުސަތު ދިނުން.
(ނ) ތިންވަނަ ކަމަކީ، ފުލުހަކު ވަޒީފާއިން ވަކި ކުރުމަށް ނުވަތަ އެ ނޫންވެސް ތައުދީބީ ފިޔަވަޅެއް އަޅަން ބޯޑުން ނުވަތަ ކޮމިޓީއިން ނިންމައިފިނަމަ، ބޯޑުން ނުވަތަ ކޮމިޓީއިން ނިންމި ނިންމުން ލިޔުމަކުން އެ ފުލުހަކަށް ރައްދުކުރުން.
32. ބޯޑުން ނުވަތަ ކޮމިޓީ އިން ނިންމާ ނިންމުމުގައި ބޯޑުގެ ނުވަތަ ކޮމިޓީގެ ނިންމުން ބިނާކުރި ސަބަބުތައް އޮޅުން ފިލާނޭ ގޮތަކަށް ބަޔާންކުރަން ވާނެއެވެ. އެ ނިންމުން ހަވާލުކުރަން ބަލާއިރު އެ މީހަކު ވީ ތަނެއް ނޭނގޭނަމަ ނުވަތަ އެ ލިޔުމާއި ހަވާލުވާން އިއުތިރާޒު ކުރާނަމަ އެމީހަކު އުޅޭ އެޑްރެސް ކަމަށް އެންމެ ފަހުން މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާ އެޑްރެހަށް ޕޯސްޓުން އެ ލިޔުމެއް ފޮނުވުމުން ފުދޭނެއެވެ.
ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރެވިފައި ވޭތޯ
33. ބަޔާންވެ ދިޔަ އުޞޫލު މި މައްސަލަ އަށް ތަޠުބީޤު ކުރާއިރު އައްޑޫ ސިޓީ ގައި ޑިއުޓީ ގައި ހުރެފައި ޙަސަން ސަޢީދު ހުއްދަ ނުހޯދައި، މާލެ އައިސްފައި ވާތީވެ، އެކަމާ ގުޅިގެން އޭނާ އާ ސުވާލު ކުރެވި ބަޔާން ނަގާފައިވާކަން އެނގެއެވެ. އަދި ޑިސިޕްލިނަރީ ބޯޑުން ޙަސަން ސަޢީދުގެ މައްސަލަ ތަޙްޤީޤު ކުރެވި، ބޯޑުގެ ކުރި މައްޗަށް ޙާޟިރުވެ ޖަވާބު ދާރީވުމަށް ފުރުސަތު ދެވިފައި ވާކަން އެނގެއެވެ. ޑިސިޕްލިނަރީ ބޯޑުން ނިންމާފައި ވަނީ ޙަސަން ސަޢީދު ވަޒީފާއިން ވަކި ކުރުމަށެވެ. އަދި ވަޒީފާއިން ވަކިކުރަން ނިންމާފައި ވާކަން 13 އޮގަސްޓު 2012 ގައި ޙަސަން ސަޢީދަށް ވަނީ އަންގާފައެވެ. މި އެންގުމުގައިވާ އިބާރާތަށް ބަލައި، އޭނާ ވަޒީފާއިން ވަކިކުރާ ސަބަބު ސާފުކޮށް ބަޔާންކޮށްދީފައި ވާކަން ފާހަގަ ކުރުމާއެކު، ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރަމުން ދާނޭކަން ބަޔާންކޮށްފައި ވާކަން އެނގެއެވެ. އެއަށްފަހު ބޯޑުގެ ނިންމުން ތަންފީޒުކުރެވި، އޭނާ ވަޒީފާއިން ވަކިކުރެވުނެވެ.
34. ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނުވާ ކަމަށް ބުނެ މައިގަނޑު ދެ ކަމެއް އޭނާ ފާހަގަ ކުރެއެވެ.
(ހ) މިގޮތުން ބަޔާންކުރާ ފުރަތަމަ ކަމަކީ، ދަށު ކޯޓަށް ދައުލަތުން ހުށަހެޅި 14 ފެބުރުވަރީ 2012 ގެ މި ތާރީޚުގައި އޮންނަ "ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަޅާ ފޯމް"24 އަށް ބިނާކޮށް ޑިސިޕްލިނަރީ ބޯޑުން އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމާފައި ނުވާކަމަށް ބުނާ ބުނުމެކެވެ. ތެދެކެވެ. މި ދެންނެވި ފޯމުން ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމިކަން އެނގޭކަށް ނެތެވެ. މި ފޯމުގައި ފާހަގަކޮށްފައި ވަނީ ޙަސަން ސަޢީދު ޑިސިޕްލިނަރީ ބޯޑަށް ޙާޟިރުކޮށްގެން މައްސަލަ ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. މި ބަހުސް ފެށުނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަރުޙަލާގައެވެ. މިއީ ދަށު ކޯޓުގައި ކުރެވުނު ބަހުސެއް ނޫނެވެ. ނަމަވެސް، މި ސުވާލު އުފެދުމުން 14 ފެބުރުވަރީ 2012 މި ތާރީޚުގައި އޮންނަ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ އިތުރު ފޯމެއް25 ދައުލަތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. މި ފޯމަށް ބަލައިފިނަމަ، ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމަށް ނިންމާފައި ވާކަން އެނގޭ ކަމާއި އަދި ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުން ތަންފީޒު ކުރުމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް ކަށަވަރުކޮށް ސޮއިކޮށްފައި ވާކަންވެސް އެނގެއެވެ. މިހާ ހިސާބުން ޙަސަން ސަޢީދު އުފައްދާ ދެވަނަ ސުވާލަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް ފަހުން ހުށަހަޅާފައިވާ ފޯމަކީ ދައުލަތުން އައު ހެއްކެއް ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމެއް ކަމަށް ބުނެ ކުރިމަތި ކުރާ ދަފުޢު އެވެ. މީގެ ޖަވާބުގައި ދައުލަތުން ބުނެފައި ވަނީ އެ ފޯމު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅީ އައު ހެއްކެއް ގޮތުގައި ނޫން ކަމަށެވެ. ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައި ވާކަން ދަލާލާތުކޮށްދޭ ގިނަ ހެކިތަކެއް ދަށު ކޯޓަށް ހުށަހަޅާފައި ވާކަން އެނގޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައި ވުމާއެކު، އަލަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ފޯމުގެ މައްޗަށް ރިޢާޔަތް ކުރުމާއި އަދި ނުކުރުމަކުން ޙަސަން ސަޢީދު ވަޒީފާއިން ވަކި ކުރުމަށް ނިންމާފައި ވާކަން އެނގޭ އެއް ލިޔުމަށްވުރެ ގިނަ ލިޔުމުން ފެންނަން އޮތް ޙަޤީގަތަށް ބަދަލެއް އައިސްފާނޭ ކަމަށް ނުދެކެމެވެ. ވުމާއެކު އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑު26 މި ޤަޟިއްޔާ ގައިވާ އުޞޫލުތަކާ ޙަވާލާދެވި ޙަސަން ސަޢީދުގެ ފަރާތުން ފާހަގަކުރާ އައުހެކި ހުށަހެޅުމާ ގުޅޭގޮތުން ފާހަގަކުރާ ކަންކަމުގެ ތެރެއިން ޤާނޫނީ ބަހުސެއް އުފެދި އެ ޤަޟިއްޔާ ތަޠުބީޤު ކުރަން ޖެހިދާނެ މަހައްލެއް އުފަން ވެފައި ނުވާކަން ފާހަގަ ކުރަމެވެ.
(ށ) ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައި ނެތް ކަމަށް އޭނާ ބަޔާންކުރާ ދެވަނަ ކަމަކީ، ޑިސިޕްލިނަރީ ބޯޑުން މައްސަލަ ތަޙުޤީގު ކުރުމަށްފަހު، ބޯޑުގެ ނިންމުން ތަންފީޒު ކުރުމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސްގެ އެ ނިންމުން ކަށަވަރުކޮށް، މިނިސްޓަރަށް ހުށަހަޅާފައިވާ ލިޔުމެއް ނެތް ކަމަށް ބުނެ ފާހަގަކުރާ ކަމެކެވެ. އަދި މިފަދަ ލިޔުމެއް ނުވަތަ ވަކިން އޮންނަ ސިޓީ އެއް އޮންނަންޖެހޭ ކަމަށް ޙަސަން ސަޢީދުގެ ފަރާތުން ދެކެނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ މުޙައްމަދު ޙަމީދު ވ. ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)27 މި ޤަޟިއްޔާ އަށް ހަވާލާދީއެވެ. އެ ޤަޟިއްޔާ އަށް ފަހު ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރުން ލާޒިމު އިޖުރާއަތުތައް ބަޔާންކޮށްދީފައިވާ ގިނަ މައްސަލަ ތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައި ވެއެވެ.28 މިގޮތުން ޢަމަލުކުރެވޭ އިޖުރާއަތުތައް އިސްވެ ބަޔާންކުރެވިފައި އެ ވަނީއެވެ.29
35. ނަމަވެސް މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލައި، ޙަސަން ސަޢީދުގެ މައްސަލަ ޑިސިޕްލިނަރީ ބޯޑުން ތަޙްޤީޤު ކުރެވި އެ ނިންމުން ކަށަވަރުކޮށް ތަންފީޒު ކުރުމަށްޓަކައި ކޮމިޝަނަރ އޮފް ޕޮލިސް މިނިސްޓަރަށް ދަންނަވައި، ވަޒިފާއިން ވަކިކުރުމުގައި ޢަމަލުކުރެވޭ އިދާރީ ޝަކުލިއްޔާތުތައް ފުރިހަމަ ކުރެވިފައި ވެއެވެ.30 ކޮމިޝަނަރ އޮފް ޕޮލިސް ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ކަށަވަރުކޮށް ތަންފީޒުކުރުމަށް މިނިސްޓަރަށް ދެންނެވުމަށް އޮންނަ ކަންކަމަކީ، ވަޒީފާއިން ވަކިކުރުމަށް ނިންމުމަށްފަހު، ފެށޭ ތަންފީޒުކުރުމުގެ މަރުހަލާގައި އޮންނަ އިދާރީ މަސައްކަތެވެ. މި އިދާރީ މަސައްކަތް ނުވަތަ ޝަކުލިއްޔާތު ފުރިހަމަ ކުރެވޭނެކަން ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރިކަން ދަންނަވާފައިވާ އެންގުމުގައި ބަޔާންކުރެވިފައި ވާކަން އެނގެއެވެ.31
މައްސަލަ ނިންމަން ފެންނަ ގޮތް
36. ބަޔާންވެ ދިޔަ ކަންކަަން އެ ގޮތުގެމަތިން ހުރުމާއެކު، ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރެވޭ ލާޒިމު އިޖުރާއަތުތަކަށް ބަލައި ޙަސަން ސަޢީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރި ކަމާއި އަދި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވާކަން ފާހަގަ ކުރަމެވެ.
37. ވުމާއެކު، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ފާހަގަ ކުރެވިފައި ނުވެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
38. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
39. މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/129 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު މުޙައްމަދު އިބްރާހީމް ޙުސްނުއްސުޢޫދު (ރިޔާސަތު)
1 މޯލްޑިވްސް ޕޮލިސް ސަރވިސް، އައްޑޫ ސިޓީ ޕޮލިސްގެ ނޯޓު ނަންބަރު G7/2012/84 (14 ފެބުރުވަރީ 2012)
2 ޙަސަން ސަޢީދު 13 ފެބުރުވަރީ 2012 އާއި 10 މޭ 2012 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ދީފައިވާ ބަޔާން
3 މޯލްޑިވްސް ޕޮލިސް ސަރވިސްގެ 01 އޮކްޓޫބަރު 2012 ގެ ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން
4 މޯލްޑިވްސް ޕޮލިސް ސަރވިސް، އައްޑޫ ސިޓީ ޕޮލިސްގެ ނޯޓު ނަންބަރު G7/2012/84 (14 ފެބުރުވަރީ 2012)
5މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 171/VKL/2012/72 (01 އޮކްޓޫބަރު 2012) ގެ ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން
6 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ
7 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 ޤަޟިއްޔާ
8 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާ
9 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/38 ޤަޟިއްޔާ
10 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/20 ޤަޟިއްޔާ
11 ފުޓް ނޯޓު 06
12 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާ
13 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/55 ޤަޟިއްޔާ
14 އބމ
15 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާ
16 އެ ގޮތުން ފާހަގަ ކުރެވޭ ބައެއް މައްސަލަތަކުގެ ތެރޭގައި، ފާޠިމަތު މަނިކެ ވ. މަރްޔަމް ފަރުހާދާ ވަޙީދު (ސުޕްރީމް ކޯޓުގެ ނަންބަރު
2014/SC-A/32 ޤަޟިއްޔާ)، ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް [2021] SC 01، އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް [2021] SC 05، އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18، މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް [2021] SC 59، ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75، ސަން ޓްރެވަލްސް އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ. ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް [2021] SC 77 ފަދަ މައްސަލަ ހިމެނެއެވެ.
17 ފުޓް ނޯޓް ނަންބަރު 1 އަދި 2
18 ފުލުންގެ ޤާނޫނުގެ 63 ވަނަ މާއްދާގެ (ށ)
19 ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/10 ގަޒިއްޔާ (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު)، އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/15 ގަޒިއްޔާ (މުޙައްމަދު ފަޔާޒް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް)، އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 (އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ތާޙާ) އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/38 (އެޓަރނީ ޖެނެރަލް އޮފީސް ވ.އަޒްހަރު ރަޝާދު)
20 ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ގާނޫނު)
21ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާ
22ފުޓް ނޯޓު 9
23 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު 2017/SC-A/38
24 DBMF/2012/70 ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމް
25 DBMF/2012/93ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހަޅާ ފޯމް
26ފުޓް ނޯޓު 10
27 ފުޓް ނޯޓު 13
28 ފުޓް ނޯޓު 19
29 މައުޟޫއީ ޢަދުލުވެރިކަމުގައި ޢަމަލުކުރާ ގޮތް (މި ރައުޔުގެ ޕެރެގްރާފް 23 އިން 25 އަށް) އިޖުރާއީ ޢަލުވެރިކަން ބެލުމުގައި ޢަމަލުކުރާ ގޮތް (މި ރައުޔުގެ ޕެރެގްރާފް 31 އިން 32 އަށް)
30 ވަޒީފާއިން ވަކިކުރާ މުވައްޒަފުންގެ މަޢުލޫމާތު ފޯމް 08 އޮގަސްޓު 2012
318 އޮގަސްޓު 2012 ގައި ވަޒީފާއިން ވަކިކުރިކަން މޯލްޑިސް ޕޮލިސް ސަރވިސް އިން 13 އޮގަސްޓް 2012 ގައި އަންގާފައިވާ އެންގުން.
2021/SC-A/54 [2023] SC 37
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.