ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 13 2021/SC-A/40 ޝަރީޢަތް ނިމުނުގޮތް ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ ފަނޑިޔާރުންގެ މަޖިލިސް އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން
ނިމުނު ތާރީޚު 13 މާރޗް 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2019/HC-A/572
އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މުޙައްމަދު ޢަޒުމީ، މ. އަލިމަސްވާދީ، މާލެ ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ޤާނޫނީ ވަކީލު:
ފައެނާ ފައްޔާޒު
އިބްރާހީމް ޝަމީލް، ޕްރިމިއަރ ޗެމްބަރސް އެލް.އެލް.ޕީ ބަދަލުގައި: އިބްރާހީމް ދީދީ، ޕެރިސްގެ، ސ. ހުޅުދޫ
ޤާނޫނީ ވަކީލު: މުޙައްމަދު ފައިސަލް
ތަދައްޚުލް ކުރުވި ފަރާތް
1. އިބްރާހީމް ދީދީ
2. އަހްމަދު ފިޔާޟް
ޤާނޫނީ ވަކީލު: މުޙައްމަދު ފައިސަލް
މަދަނީ – ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުން – ޢިމާރާތް ކުއްޔަށްދީ މާލީ މަންފާ ހާސިލްކުރުން – ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތު– ކުންފުނީގެ ނިވާފަތްގަނޑު – މާލީ މަންފާ ހޯދުން – ޣައިރު ޙާޟިރުގައި ޙުކުމް ކުރުން– ދަށު ކޯޓަށާއި ހައިކޯޓަށް ހުށަނޭޅޭ އައު ނުކުތާ ސުޕްރީމް ކޯޓަށް ހުށަހެޅުން – ކުންފުނީގެ ޒިންމާގައި ވާ ފައިސާއަށް ޑިރެކްޓަރުން ފަރުދީ ގޮތުން ޒިންމާ ކުރުވުން- ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 74 ވަނަ މާއްދާ
ފިހުރިސްތު
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު 1
ތަޢާރުފު 1
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ އަދި އެ ދަޢުވާ ކުރިއަށް ގެންދިޔަ ގޮތް 2
ސިވިލް ކޯޓުން ނިންމި ގޮތް 3
ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފު 4
ޕާރލް ހޮލިޑޭސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު 7
މުޙައްމަދު ޢަޒުމީގެ ފަރާތުން ސުޕްރީމް ކޯޓުގައި ދިން ޖަވާބު 8
މުޙައްމަދު ޢަޒުމީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިޖުރާއީ އިޢުތިރާޒު 10
އިޖުރާއީ އިޢުތިރާޒްއާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމި ގޮތް 11
ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ކަމަށް އަހުރެން ދެކޭ ނުކުތާތައް 12
ޣައިރު ޙާޟިރުގައި ޙުކުމް ކުރުން 12
ދަށު ކޯޓަށާއި ހައިކޯޓަށް ހުށަނޭޅޭ އައު ނުކުތާ ސުޕްރީމް ކޯޓަށް ހުށަހެޅުން 14
ކުންފުނިން ދައްކަންޖެހޭ ފައިސާއެއްގެ ޒިންމާއަށް ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ ކުރުވުން 19
މައްސަލަ ނިންމަން ފެންނަ ގޮތް 21
ފަނޑިޔާރު ހުސްނުއް ސުޢޫދުގެ ރައުޔު 23
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 23
ޙުކުމް 23
` ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ [2024] SC 13 އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޙުސްނުއް ސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
1. މި ޤަޟިއްޔާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/572 ޤަޟިއްޔާ ނިންމާފައިވާގޮތް ރަނގަޅުނޫން ކަމަށް ބުނެ، ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް1 (މީގެ ފަހުން "ޕާރލް ހޮލިޑޭސް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މުޙައްމަދު ޢަޒުމީ2 (މީގެ ފަހުން "މުޙައްމަދު ޢަޒުމީ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މުޙައްމަދު ޢަޒުމީގެ ފަރާތުންނެވެ. ސިވިލް ކޯޓުގައި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 51/Cv-C-HD/2019 ޤަޟިއްޔާއިންނެވެ.
2. މި މައްސަލައިގެ ތެރެއަށް ސ. ހުޅުދޫ، ޕެރިސްގެ، އިބްރާހީމް ދީދީ (މީގެ ފަހުން "އިބްރާހިމް ދީދީ") އަދި ޏ. ފުވައްމުލަށް، ލީނާ، އަޙްމަދު ފިޔާޟް (މީގެ ފަހުން "އަޙްމަދު ފިޔާޟް") ވަނީ ތަދައްޚުލް ކުރެވިފައިވެއެވެ. މި ދެ ފަރާތް ތަދައްޚުލް ކުރެވިފައިވަނީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 61 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ. މި ދެފަރާތަކީ، ހައިކޯޓުގައި މި މައްސަލަ ބެލި އެކޯޓުގެ ނަންބަރު
2019/HC-A/572 ޤަޟިއްޔާ އެ ކޯޓުގައި އިސްތިއުނާފުކުރި ތިން ފަރާތުގެ ތެރޭގައި ހިމެނޭ ދެ ފަރާތެކެވެ.
ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ އަދި އެ ދަޢުވާ ކުރިއަށް ގެންދިޔަ ގޮތް
3. މުޙައްމަދު ޢަޒުމީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާއަކީ ހުޅުމާލެ ލޮޓް ނަންބަރު 10809 ގެ ވެރިފަރާތް ކަމުގައިވާ މުޙައްމަދު ޢަޒުމީގެ ހުއްދައެއް ނެތި، ހުޅުމާލެ ލޮޓް ނަންބަރު 10809 ހެދުމަށް ހަވާލުކުރެވިފައިވާ ޕާރލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ދީދީ، ހުޅުމާލެ ލޮޓް ނަންބަރު 10809 އަކީ ޕާރލް ހޮލިޑޭސްގެ ތަނެއްކަމަށް ދައްކައި މަކަރާއި ހީލަތުން އެތަން ޖީއެމްއާރް މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްއަށް ކުއްޔަށްދީ ނުހައްގު މަދަނީ މަންފާއެއް ހޯދާފައިވާތީ އެފައިސާ އެކީ އެއްފަހަރާ ލިބިގަތުމަށް ހުށަހެޅި ދަޢުވާއެކެވެ. މުޙައްމަދު ޢަޒުމީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ރައްދުވާ ފަރާތްތަކަކީ: (1) ޕާރލް ހޮލިޑޭސް، (2) ސ. ހުޅުދޫ، ޕެރިސްގެ، އިބްރާހީމް ދީދީ އަދި (3) ޏ. ފުވައްމުލަށް، ލީނާ، އަޙްމަދު ފިޔާޟް އެވެ.
4. މުޙައްމަދު ޢަޒުމީގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގެ އަޑުއެހުންތައް ކުރިއަށް ގެންގޮސް ނިންމާފައިވަނީ ދަޢުވާލިބޭ ފަރާތްތަކުގެ ޣައިރު ޙާޟިރުގައެވެ. އެގޮތަށް ޝަރީޢަތް ކުރިއަށް ގެންގޮސް މައްސަލަ ނިންމާފައިވަނީ، ދަޢުވާލިބޭ ފަރާތްތަކަށް ކޯޓަށް ޙާޟިރު ވުމަށް އަންގައި ފޮނުވި އަމުރުތައް ރައްދުވެފައިވީނަމަވެސް އެ އަމުރުތަކާ އެއްގޮތަށް ކޯޓަށް ޙާޟިރުވެ ޖަވާބުދާރީވެފައި ނުވާތީ ކަމަށް ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެއެވެ.
5. ޕާރލް ހޮލިޑޭސް އިން ހުޅުމާލެ ލޮޓް ނަންބަރު 10809 ކުއްޔަށް ދިނުމަށް ޖީއެމްއާރް މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އާއެކު ވެވުނު އެއްބަސްވުންތަކުގެ އަސްލު މުޙައްމަދު ޢަޒުމީއާ ވަގުތުން ޙަވާލުކޮށްދިނުމަށް އެދި މުޙައްމަދު ޢަޒުމީގެ ފަރާތުން އަމުރެއް ނެރެދިނުމަށް ސިވިލް ކޯޓުގައި އެދުނެވެ. މި އެދުމާ ގުޅިގެން ސިވިލް ކޯޓުން ނިންމާފައިވަނީ، މުޙައްމަދު ޢަޒުމީގެ ފަރާތުން އެދިފައިވާ ދެ އެއްބަސްވުމާމެދު ޕާލް ހޮލިޑޭސްގެ އިންކާރެއް އޮތްކަން މިހިނދަށް އެނގެން ނެތުމުންނާ އަދި އެ އެއްބަސްވުމުގެ އިތުރުން އިތުރު އެއްބަސްވުމެއް އޮތްކަން ހުށަހެޅިފައިވާ ލިޔުންތަކުން ނުވަތަ ދަޢުވާކުރާ ފަރާތުގެ ވާހަކައިން އެނގެން ނެތަތީ ދަޢުވާގެ މައުޟޫޢުގެ ތެރެއިން އެކަންކަން ބެލުމުގެ ކުރިއަށް މުޙައްމަދު ޢަޒުމީގެ ފަރާތުން އެދުނުފަދަ އަމުރެއް ނެރެދޭންޖެހޭކަމަށް ޝަރީޢަތަށް ބުރަނުވެވޭ ކަމަށެވެ.
ސިވިލް ކޯޓުން ނިންމި ގޮތް
6. ސިވިލް ކޯޓުގެ ނަންބަރު 51/Cv-C-HD/2019 ޤަޟިއްޔާ ނިންމާފައިވަނީ:
6.1 ޕާރލް ހޮލިޑޭސްއިން ޖީއެމްއާރް މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑަށާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއަށް ހުޅުމާލެ ލޮޓް ނަންބަރު 10809 ގޯތީގައިވާ ޢިމާރާތް ކުއްޔަށްދީ އެތަނުން މާލީ މަންފާ ހޯދާފައިވަނީ، މުޙައްމަދު ޢަޒުމީގެ ރުހުން ނެތި ޕާރލް ހޮލިޑޭސް އާއި އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟް އަށް ލިބިގެންނުވާ އިޚްތިޔާރާ ބާރުގެ ބޭނުން ކޮށްގެންކަން މުޙައްމަދު ޢަޒުމީގެ ބަހުންނާއި ހުށަހެޅިފައިވާ މުސްތަނަދުތަކުން ޝަރީޢަތަށް ސާބިތުވާ ކަމަށާއި؛
6.2 ހުޅުމާލެ ލޮޓް ނަންބަރު 10809 ގޯތީގައިވާ ޢިމާރާތް ކުއްޔަށް ދީ ބޭނުންކުރުމުގެ އިޚްތިޔާރު މުޙައްމަދު ޢަޒުމީގެ ފަރާތުން ޕާރލް ހޮލިޑޭސްއާއި، އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟްއަށް ދީފައިނުވިނަމަވެސް، ޕާރލް ހޮލިޑޭސްގެ ޢިމާރާތެއް ކަމަށް ދައްކައި އެ ޢިމާރާތް އެކި ފަރާތްތަކަށް ކުއްޔަށް ދީ މާލީ މަންފާ ހޯދާފައިވަނީ، ޕާރލް ހޮލިޑޭސް އަށް ލިބިފައިވާ ޤާނޫނީ ޝަޚްޞިއްޔަތު ނިވާފަތްގަނޑެއްގެ ގޮތުގައި ބޭނުންކޮށްގެން ކަން ހުށަހެޅިފައިވާ މުސްތަނަދުތަކުން އެނގެން އޮންނާތީ، ކުންފުނީގެ ނަމުގައި ކުންފުނިން ކޮށްފައިވާ މި މުޢާމަލާތްތަކަށް ޕާރލް ހޮލިޑޭސްއާއި އެ ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ އުފުލަންޖެހޭ ކަން ޝަރީޢަތަށް ސާބިތުވާކަމަށާއި؛
6.3 ހުޅުމާލެ ލޮޓް ނަންބަރު 10809 ގޯތީގައިވާ ޢިމާރާތުގެ ކުލީގެ ގޮތުގައި ދަޢުވާލިބޭ ޕާރލް ހޮލިޑޭސް އަށް ޖީއެމްއާރު މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ US $52,000.00 (ފަންސާސް ދެހާސް އެމެރިކާ ޑޮލަރު) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ދައްކާފައިވާ 601,380/-ރ. (ހަލައްކަ އެއްހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ) އަކީ، ހުޅުމާލެ ލޮޓް ނަންބަރު 10809 ގޯތީގައިވާ ޢިމާރާތުގެ ވެރިފަރާތް މުޙައްމަދު ޢަޒުމީއަށް ދަޢުވާލިބޭ ފަރާތްތަކުގެ (ޕާރލް ހޮލިޑޭސް، އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟް) ކިބައިން ލިބިދޭންޖެހޭ ފައިސާއެއް ކަން މަދަނީ މިންގަނޑުން ޝަރީޢަތަށް ސާބިތުވާކަމަށާ؛ އަދި
6.4 އެ ބުނި US $52,000.00 (ފަންސާސް ދެހާސް އެމެރިކާ ޑޮލަރު) އަދި 601,380/-ރ. (ހަލައްކަ އެއްހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ) މުޙައްމަދު ޢަޒުމީއަށް ލިބިދިނުމުގެ ގޮތުން 17 ސެޕްޓެމްބަރު 2019 އިން ފެށިގެން 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ މި ދަރަނި ޚަލާޞްކުރުމަށް ދަޢުވާލިބޭ ފަރާތްތަކަށް (ޕާރލް ހޮލިޑޭސް އަދި އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟް) އަންގައެވެ.
ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފު
7. ސިވިލް ކޯޓުގެ ނަންބަރު 51/Cv-C-HD/2019 ޤަޟިއްޔާ ޕާރލް ހޮލިޑޭސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ޕާރލް ހޮލިޑޭސްއިން ހައިކޯޓުގައި އިސްތިއުނާފު ކުރީ 02 (ދޭއް) ނުކުތާއެވެ.
7.1 ފުރަތަމަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 51/Cv-C-HD/2019 ޤަޟިއްޔާއިން ބެލި މައްސަލާގައި ޙުކުމް ކޮށްފައިވަނީ ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 22 ވަނަ މާއްދާއާ ޚިލާފަށް ކަމަށާ އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކުރާ ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ އުޞޫލުން ނޫންކަމަށް ބަޔާންކޮށް ހުށަހެޅި ނުކުތާއެވެ.
7.2 ދެވަނަ ނުކުތާއަކީ، ސިވިލް ކޯޓުގެ ނަންބަރު 51/Cv-C-HD/2019 ޤަޟިއްޔާއިން ބެލި މައްސަލައިގައި ޙުކުމް ކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ލަޠީފް ވ. މުޙައްމަދު ޒާހިރު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލަށް3 ރިޢާޔަތް ނުކޮށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
8. މުޙައްމަދު ޢަޒުމީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިޖުރާއީ ނުކުތާއެއް ފާހަގަކުރިއެވެ. އެ ނުކުތާއަކީ، ޕާލް ހޮލިޑޭސްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ދެ ނުކުތާގައި ސިވިލް ކޯޓުގެ ނަންބަރު 51/Cv-C-HD/2019 ޤަޟިއްޔާގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފު ވެފައިވަނީ ކޮންގޮތަކުންކަން ސާފުކޮށް ބަޔާންކޮށްދީފައި ނުވާތީ ސިވިލް ކޯޓުގައި ޕާލް ހޮލިޑޭސް އަށް ދެވުނު ފުރުޞަތުގައި ފާހަގަކޮށްފައި ނުވާ ކަންކަން،4 ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުގައި ފާހަގަކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި އިޖުރާއީ ނުކުތާއެވެ.
9. މި އިޖުރާއީ ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއާއި އެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަދި (ށ) އާ ހަވާލާދީ ހައިކޯޓުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތްތަކުން (ޕާރލް ހޮލިޑޭސް އަދި އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟް) ދަށު ކޯޓަށް ހުށަހެޅުމަށް ފުރުޞަތު ލިބި ހުށަހަޅާފައިނުވާ ހެއްކާއި، ފާހަގަކުރުމަށް ފުރުޞަތު ލިބި ފާހަގަކޮށްފައިނުވާ ކަންކަން އިސްތިއުނާފީ މަރުޙަލާގައި ހުށަހެޅި ނަމަވެސް އެ ކަންކަމަށް ހައިކޯޓުން ރިޢާޔަތް ކުރަން ނުޖެހޭކަން އެނގެން އޮންނަ ކަމަށާއި އަލްމަރްޙޫމް މޫސާ ޢަލީދީދީ އަދި ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފުކުރި ފަރާތްތަކާ ދެމެދު އަނގަބަހުން އެއްބަސްވުމެއް ވެފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން ދެއްކި ވާހަކަތަކަށާއި ޝަރީޢަތުގެ އަޑުއެހުން ނިމިފައިވަނިކޮށް ސިޓީއަކާއެކު ފޮނުވި ލިއުންތައް ބަލައި ގަނެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
10. "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 28 ވަނަ މާއްދާގައިވާ އިޖުރާއަތުތައް ފުރިހަމަނުކޮށް، އިސްތިއުނާފުކުރާ ފަރާތުގެ ޣައިރު ޙާޟިރުގައި، ދަށު ކޯޓުން ޙުކުމް ކޮށްފައިވާކަމަށާއި ޢަދުލުވެރިކަމާއެކު ޝަރީޢަތް ހިންގާފައިނުވާކަމަށް ބުނެ ހައިކޯޓުގައި މައްސަލަ އިސްތިއުނާފު ކުރި ފަރާތްތަކުން (ޕާރލް ހޮލިޑޭސް އަދި އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟް) ފާހަގަ ކުރި ނުކުތާއާ ގުޅިގެން، "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދު" ގެ 28 ވަނަ މާއްދާގެ (ހ) ގައި ކޯޓަށް މީހަކު ޙާޟިރުނުކުރެވިއްޖެ ޙާލަތެއްގައި ޢަމަލުކުރާނެ ދެ ގޮތެއް5 ބަޔާންކުރާކަމަށާއި މި މައްސަލަ، ދަޢުވާލިބޭ ފަރާތްތަކުގެ ޣައިރު ޙާޟިރުގައި ނިންމަވާފައިވަނީ ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ގަވާއިދުގެ 28 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ކަމަށް ބެލެވޭނެ ތަނެއް ނެތްކަމަށެވެ. އަދި މި ހަމައިން ބަލާއިރު ސިވިލް ކޯޓުން މައްސަލަ ކުރިއަށް ގެންގޮސް ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ބެލެވެން ނެތްކަމަށެވެ.
11. ހައިކޯޓުން މައްސަލަ ނިންމަވާފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 51/Cv-C-HD/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލް ކުރަން ޖެހޭ ފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ. އަދި މައްސަލައިގައި ހިމެނޭ ޕާރލް ހޮލިޑޭސް އާއި އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟް އާއި އަލްމަރްޙޫމް މޫސާ ޢަލީދީދީއާ ދެމެދު ވެފައިވާ އެއްބަސްވުމެއް އޮތްނަމަ، އަދި އެ އެއްބަސްވުމެއްގެ ދަށުން ލިބެންޖެހޭ މަދަނީ ބަދަލެއް އޮތްކަމަށް ޤަބޫލުކުރެވޭނަމަ، އެ ބަދަލު ހޯދުމަށް އެދި ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ފުރުސަތު އިސްތިއުނާފުކުރާ ފަރާތްތަކަށް (ޕާރލް ހޮލިޑޭސް، އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟް) އޮތް ކަމަށް ކަނޑައަޅައެވެ.
ޕާރލް ހޮލިޑޭސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރި އިސްތިއުނާފު
12. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/572 ޤަޟިއްޔާގެ ނިންމުމާމެދު ޕާރލް ހޮލިޑޭސް އިން ހިތްހަމަ ނުޖެހޭތީ އެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ. ޕާރލް ހޮލިޑޭސް އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ 02 (ދޭއް) ނުކުތާއެވެ.
12.1. ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އަދި
ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާއާ އެއްގޮތަށް ދަށު ކޯޓުންނާއި ހައިކޯޓުން ޢަމަލުކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
12.2. ދެވަނަ ނުކުތާއަކީ، ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ގައި ބަޔާންކޮށްފައިވާ ކުންފުނީގެ ޤާނޫނީ ޝަޚްޞިއްޔަތުގެ އަސާސީ މަފްހޫމްތަކާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
13. ޕާރލް ހޮލިޑޭސްގެ ފަރާތުން މިދެ ނުކުތާ ތަފްސީލުކޮށްދެމުން ބުނެފައިވަނީ ސުޕްރީމް ކޯޓުގެ އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް6 ޤަޟިއްޔާގައި ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނޫނުގައި ޣައިރު ޙާޟިރުގައި ނިންމާ މައްސަލަތަކާ ބެހޭގޮތުން ވަކި އިޖުރާއަތެއް ކަނޑައެޅިފައި ނެތުމުންނާއި، ޝަރީޢަތް ކުރުމާބެހޭ ޤަވާޢިދެއްގައި އެފަދަ ޙުކުމްތަކުން ލިބިދާނެ ބޭއިންޞާފެއް ހުއްޓުވާނެ ގޮތްތަކެއް ކަނޑައަޅާފައި ނެތުމުން، ޣައިރު ޙާޟިރުގައި ނިންމާ މަދަނީ މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ އަދި އަންނަނިވި ޙާލަތުންކުރެ ޙާލަތެއް އޮތްނަމަ ޣައިރު ޙާޟިރުގައި ކޮށްފައިވާ ޙުކުމް ޝަރުޠުތަކަކާއެކު ނުވަތަ ޝަރުޠުތަކަކާ ނުލާ އެއްފަރާތްކޮށް އެ މައްސަލައެއް އަލުން ދަށު ކޯޓުން ބެލުމަށް އެ މައްސަލައެއް ދަށު ކޯޓަށް ތަޙްވީލު ކުރަންވާނެކަމަށެވެ. އެ 02 (ދޭއް) ޙާލަތުން ކުރެ ފުރަތަމަ ޙާލަތަކީ، ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް އޮތުންކަމަށާއި؛ ދެ ވަނަ ޙާލަތަކީ، ޣައިރު ޙާޟިރުގައި ޙުކުމް ކުރުމުގައި އިޖުރާއީ އުނިކަމެއް ނުވަތަ އައިބެއް ނެތް ނަމަވެސް އެ މައްސަލައަކީ ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު ދަޢުވާ ލިބޭ ފަރާތަށް އެ މައްސަލަ ކާމިޔާބު ކުރުމުގެ އަކަށީގެންވާ ފުރުސަތެއް އޮތް އަދި އެކަށީގެންވާ ދިފާޢެއް އޮތް މައްސަލައެއް ކަމަށް ފަނޑިޔާރަށް ފެނުން ކަމަށެވެ.
14. ޕާރލް ހޮލިޑޭސްގެ ނަމުގައި އެ ކުންފުނިން ކޮށްފައިވާ މުޢާމަލާތްތަކަށް ޕާރލް ހޮލިޑޭސް އަދި އެކުންފުނީގެ 02 (ދޭއް) ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ އުފުލަން ޖެހޭކަން ޝަރީޢަތަށް ސާބިތުވާކަމަށް ސިވިލް ކޯޓުން ކުރި ޙުކުމަށް ހައިކޯޓުން ތާއީދު ކުރިއިރު، އެ ނަތީޖާއަށް ވާސިލުވި ގޮތެއް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައި ނުވާކަމަށެވެ.
15. ސިވިލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންގޮސްފައިވަނީ ދަޢުވާ ލިބޭ ފަރާތްތަކުގެ ޣައިރު ޙާޟިރުގައި ކަމަށާއި މުޙައްމަދު ޢަޒުމީއަކީ ޕާރލް ހޮލިޑޭސްގެ ހިއްސާދާރެއްކަމާއި އަދި ކުންފުނީގެ ޑިރެކްޓަރެއްކަން ކޯޓަށް ހާމަކުރެވިފައެއް ނުވާކަމަށާއި މައްސަލަ ބެއްލެވި ފަނޑިޔާރަށް މުޙައްމަދު ޢަޒުމީއަކީ ޕާރލް ހޮލިޑޭސްގެ ޑިރެކްޓަރެއް ކަން ދެނެގަނެވިފައި ނުވުމަކީ މައްސަލައިގެ ޙުކުމަށް އެކަމުގެ ސަބަބުން އަސަރުކުރި ކަމެއްކަމަށެވެ.
މުޙައްމަދު ޢަޒުމީގެ ފަރާތުން ސުޕްރީމް ކޯޓުގައި ދިން ޖަވާބު
16. ޕާރލް ހޮލިޑޭސް އިން ހުށަހެޅި މައްސަލައިގެ ޖަވާބުގައި މުޙައްމަދު ޢަޒުމީ ބުނަނީ މައްސަލައިގެ ޚުޞޫމާތަކީ ހުޅުމާލޭ ލޮޓް ނަންބަރު 10809 ގޯތީގަ ހަދާފައިވާ ޢިމާރާތުގެ މިލްކުވެރިކަމާ ގުޅިގެން އުފެދިފައިވާ މައްސަލައިގެ ޚުޞޫމަތް ކަމަށެވެ. ޚުޞޫމާތު އުފެދެނީ މުޙައްމަދު ޢަޒުމީގެ ޢިމާރާތެއް ޕާރލް ހޮލިޑޭސްގެ ފަރާތުން ޖީއެމްއާރް މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑް އަށް އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އަށް، އެއީ ޕާރލް ހޮލިޑޭސްގެ އަމިއްލަ މިލްކެއް ކަމުގައި ދައްކައި، ކުއްޔަށް ދިން ދިނުމާ ގުޅިގެން ކަމަށެވެ. އަދި ކުއްޔަށް ދިން އިމާރާތުގެ ވެރިފަރާތަކީ ޕާރލް ހޮލިޑޭސް ކަމަށާއި ޢިމާރާތް ކުއްޔަށްދިނުމުގެ ހުރިހާ އިޚްތިޔާރަކާ ބާރެއް ޕާރލް ހޮލިޑޭސް އަށް ލިބިގެންވާކަމަށް ކުއްޔަށް ދިން އެއްބަސްވުންތަކުގައި ބަޔާންކުރާ ކަމަށެވެ.
17. ޕާރލް ހޮލިޑޭސްގެ ފަރާތުން ކުއްޔަށް ދިން ޢިމާރާތަކީ މުޙައްމަދު ޢަޒުމީގެ ބައްޕަ އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ޢިމާރާތެއްކަމަށާއި، މޫސާ ޢަލީދީދީ ނިޔާވުމާ ގުޅިގެން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 90/HMC/2012 ޤަޟިއްޔާއިން ހުޅުމާލޭ ލޮޓް ނަންބަރު 10809 ގޯތީގެ ހުރިހާ ޒިންމާތަކާ ހުރިހާ ކަމެއް މުޙައްމަދު ޢަޒުމީއާ ޙަވާލުކޮށްފައިވާކަމަށެވެ. މުޙައްމަދު ޢަޒުމީ އިތުރަށް ބުނަނީ ހުޅުމާލެ ލޮޓް ނަންބަރު 10809 ގެ މައްޗަށް އެއްވެސް އިރެއްގައި ޕާރލް ހޮލިޑޭސްގެ ޙައްޤެއް އުފަންވެފައި ނުވާނެކަމަށެވެ.
18. މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިނުވާ ކަންކަން ޕާރލް ހޮލިޑޭސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށް މުޙައްމަދު ޢަޒުމީގެ ފަރާތުން ބުނެއެވެ. އެކަންކަން ކަމަށް މުޙައްމަދު ޢަޒުމީ ފާހަގަކުރާ ކަންކަމަކީ:7
18.1- މައްސަލައިގެ ޙަޤީޤަތް ދެނެގަނެވިފައި ނުވާކަން؛
18.2- އިސްތިއުނާފު ރައްދުވާ ފަރާތަކީ އިސްތިއުނާފުކުރާ ކުންފުނީގެ ޑިރެކްޓަރަކަށް ވާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ޒިންމާ އުފުލަންޖެހިފައިނުވާކަން؛
18.3- އިސްތިއުނާފު ކުރާ ފަރާތުން ހިންގާފައިވާ މުޢާމަލާތްތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތަށް އެނގިގެން ކޮށްފައިވާ މުޢާމަލާތްތަކެއްކަން؛
18.4- ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު ތަތުބީގު ކޮށްފައިވަނީ ގޯސްކޮށްކަން؛
18.5- ދަޢުވާ ލިބޭ ކުންފުނީގެ ޑިރެކްޓަރުން ކަމަށްވާ އިބްރާހީމް ދީދީ އާއި އަޙްމަދު ފިޔާޒަށް ކޯޓަށް ޙާޟިރުވުމުގެ އަމުރު ރައްދުކޮށްފައި ނުވާކަން.
19. އަދި ސިވިލް ކޯޓުގައި ހިނގި ޝަރީޢަތަށް ޙާޟިރުވުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ޕާރލް ހޮލިޑޭސް އަދި ސުޕްރީމް ކޯޓުން ތަދައްޚުލު ކުރުވި އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟް އަށް، "ކޯޓަށް ޙާޟިރުވުމުގެ އަމުރު" ރައްދުކުރެވިފައިވީ ނަމަވެސް، މައްސަލައަށް ޙާޟިރުވެފައިނުވާކަން ހައިކޯޓުގެ ނަންބަރު 2019/HC-A/572 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓްގެ 12 ވަނަ ޞަފްޙާގައި ސާފުކޮށް ކަނޑައަޅުއްވާފައިވާކަމަށާއި ސިވިލް ކޯޓުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން 05 (ފަހެއް) ފަހަރެއްގެ މަތިން (27 މާރިޗު 2019، 9 މެއި 2019، 16 މެއި 2019، 16 ޖޫން 2019 އަދި 15 ޖުލައި 2019) ޖަވާބުދާރީވުމަށް ކޯޓަށް ޙާޟިރުވުމަށް އެ ފަރާތްތަކަށް އެންގިފައިވާކަން އެނގޭކަމަށެވެ.
20. މުޙައްމަދު ޢަޒުމީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދެނީ ހައިކޯޓްގެ ނަންބަރު 2019/HC-A/572 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
މުޙައްމަދު ޢަޒުމީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިޖުރާއީ އިޢުތިރާޒު
21. މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމާ ގުޅިގެން މުޙައްމަދު ޢަޒުމީގެ ފަރާތުން އިޖުރާއީ އިޢުތިރާޒެއް ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. މުޙައްމަދު ޢަޒުމީގެ ފަރާތުން ހުށަހެޅި އިޢުތިރާޒަކީ، ޕާރލް ހޮލިޑޭސްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށް އެ ކުންފުނީގެ ޞައްޙަ ޤަރާރެއް ފާސްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި އިޢުތިރާޒެވެ. މި ޤަރާރު ފާސްކުރި ބައްދަލުވުމަށް 02 (ދޭއް) ޑިރެކްޓަރުން ޙާޟިރުވި ކަމަށް ޕާރލް ހޮލިޑޭސްގެ ފަރާތުން ބަޔާންކޮށްފައިވީނަމަވެސް 02 މާރިޗު 2021 ގައި ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައްދަލުވުމެއް ބޭއްވިކަމެއްވެސް އަދި އެފަދަ ބައްދަލުވުމެއްގައި އެއްވެސް ޤަރާރެއް ފާސްކޮށްފައިވާކަމެއްވެސް މުޙައްމަދު ޢަޒުމީ އަށް އެނގިފައި ނުވާ ކަމަށެވެ. މުޙައްމަދު ޢަޒުމީގެ ފަރާތުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ހައިކޯޓުގެ ނަންބަރު 2019/HC-A/572 ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް ޕާރލް ހޮލިޑޭސްގެ ޑިރެކްޓަރުންގެ ބޯޑުން ފާސްކޮށްފައިވާ ޞައްޙަ ޤަރާރެއް ނެތަތީ އަދި މިއީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 2020 މި ގަވާއިދުގެ 31 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކޮށްފައިވާ އިޖުރާތްތައް ފުރިހަމަ ކުރެވިފައިވާ މައްސަލައެއްކަމަށް ނުވާތީ ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި މައްސަލަ ބާތިލް ކޮށްދިނުމަށެވެ.
އިޖުރާއީ އިޢުތިރާޒްއާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމި ގޮތް
22. މުޙައްމަދު ޢަޒުމީގެ ފަރާތުން ހުށަހެޅި އިޖުރާއީ އިޢުތިރާޒްއާ ގުޅިގެން، ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ރިޢާޔަތްކުރިއިރު، ޕަރލް ހޮލިޑޭސްގެ ހިންގާ ގަވާއިދުގެ 20 ވަނަ މާއްދާގައި ވަނީ ވަކިގޮތަކަށް މައްސަލައެއް ނިންމުމަށް ބާއްވާ ކުންފުނީގެ ބޯޑު އޮފް ޑިރެކްޓަރުންގެ ޖަލްސާގެ ޤާނޫނީ ޢަދަދު ކަނޑައަޅާނީ ކުންފުންޏާ ބެހޭ ޤާނޫނު (1996) ގެ 52 ވަނަ މާއްދާ ޚިލާފު ނުވާނެ ގޮތަށް، ބޯޑު އޮފް ޑިރެކްޓަރުންގެ ބޯޑުންކަމަށާ، އަދި ވަކި ޢަދަދެއް ކަނޑައެޅިފައި ނުވާނަމަ ޑިރެކްޓަރުންގެ ތެރެއިން 2 ޑިރެކްޓަރުން ނުވަތަ 2 ޑިރެކްޓަރުންގެ ވަކީލުންގެ ޙާޟިރުގައި ޖަލްސާ ކުރިއަށް ގެންދެވިދާނެ ކަމަށެވެ. ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު (1996) ގެ 52 ވަނަ މާއްދާގައި ބަޔާންކުރަނީ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ބޭއްވޭނީ، މަދުވެގެން ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންގެ އަޣުލަބިއްޔަތު އެ ޖަލްސާއަކަށް ޙާޟިރުވުމުންނެވެ. އަދި ޑިރެކްޓަރުންގެ ބޯޑުގެ ޖަލްސާއެއް ކުރުމަށް ބޭނުންވާ ޤާނޫނީ ޢަދަދު، ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ޤާނޫނު (1996) ގެ 52 ވަނަ މާއްދާގައި ބުނެފައިވާ ޢަދަދަށްވުރެ އިތުރުކޮށް، ކުންފުނީގެ ހިންގާ ގަވާއިދުގައި އެ ޢަދަދު ކަނޑައަޅައި، އެ ޢަދަދަށް ޢަމަލު ކުރުމަކަށް މި މާއްދާ ހުރަހެއް ނާޅާކަމަށެވެ.
23. ސުޕްރީމް ކޯޓަށް ހުށަހެޅުނު އިޖުރާއީ އިޢުތިރާޒްއާ ގުޅިގެން، ޕަރލް ހޮލިޑޭސްގެ ހިންގާ ގަވާއިދުގައި ބަޔާންކޮށްފައިވާ އުސޫލަށް އަދި ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާއަށް ރިޢާޔަތްކޮށް މި އިޖުރާއީ ނުކުތާ ބަލައި ނުގަތުމަށް ނިންމުނެވެ. އަދި މި މައްސަލައިގައި މަޢުޟޫއީ ގޮތުން ހުށަހެޅިފައިވާ ކަންކަން ހުށަހެޅުމަށް މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ފުރުސަތު ދެވުނެވެ.
ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ ކަމަށް އަހުރެން ދެކޭ ނުކުތާތައް
24. ޕާރލް ހޮލިޑޭސް އިން ހުށަހެޅި އިސްތިއުނާފީ ދެ ނުކުތާއަށާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 61 ވަނަ މާއްދާގެ (ހ) ގެ ދަށުން މައްސަލައިގެ ތެރެއަށް ތަދައްޚުލް ކުރެވެނު އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟް ދެއްކި ވާހަކަތަކަށާ، އަދި މުޙައްމަދު ޢަޒުމީ ދިން ޖަވާބަށް ބަލާއިރު ޝަރީޢަތުން ގޮތް ކަނޑައަޅަންޖެހޭ 3 ކަމެއް އޮތް ކަމަށް އަހުރެން ދެކެވެ.
24.1. ސިވިލް ކޯޓުން ޣައިރު ޙާޟިރުގައި މައްސަލަ ނިންމާފައިވަނީ އެކަމަށް ކަނޑައެޅިފައިވާ އިޖުރާއަތާއި އެއްގޮތަށްތޯ އަދި ހައިކޯޓުން އެކަމާމެދު ނިންމި ގޮތް ރަނގަޅުތޯ ބެލުން.
24.2. މި މައްސަލައިގައި ހައިކޯޓުގައި ފާހަގަކޮށްފައިނުވާ ކަންކަން ސުޕްރީމް ކޯޓުގައި ފާހަގަކުރިތޯ ބެލުން.
24.3. ޕާރލް ހޮލިޑޭސް އިން ދައްކަންޖެހޭ ފައިސާއެއްގެ ޒިންމާއަށް ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ އުފުލަންޖެހޭތޯ ބެލުން.
ޣައިރު ޙާޟިރުގައި ޙުކުމް ކުރުން
25. "ކޯޓަށް މީހުން ޙާޟިރުކުރުމުގައި ޢަމަލުކުރާނެ ގޮތުގެ ޤަވާޢިދު [2006]" ގެ 28 ވަނަ މާއްދާގައި ކޯޓަށް މީހަކު ޙާޟިރު ނުވެއްޖެ ޙާލަތެއްގައި ޢަމަލު ކުރާނެ ދެ ގޮތެއް ބަޔާންކޮށްފައިވެއެވެ. ފުރަތަމަ ގޮތަކީ، ކޯޓަށް ޙާޟިރުވުމުގެ އަމުރު ލިބި މަޤުބޫލު އުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ ކޯޓަށް ޙާޟިރުމުވަށް އެންގުނީކަމަށްބަލައި އެމީހެއްގެ ޣައިރު ޙާޟިރުގައި ކޯޓުން މައްސަލަ ބަލައި ނިންމުމެވެ. އަދި ދެވަނަ ގޮތަކީ، އެމީހަކު ދީފައިވާ އެޑްރެހުގައިނެތި އެ މީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށް އެ މީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން ނުވަތަ އެނޫންވެސް ޚަބަރު ފަތުރާ ވަޞީލަތަކުން އިޢުލާނު ކުރުމަށްފަހު، އިޢުލާނުގައިވާ ތާރީހާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމެވެ.
26. އެޓޯލް ބެންޑް ޕްރައިވެޓް ލިމިޓެޑް ވ. މޫސާ ޢަބްދުއްރަޙީމް ޤަޟިއްޔާއަށް ބަލާއިރު، ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔުގައި8 ބަޔާންކުރައްވާފައިވަނީ، ޣައިރު ޙާޟިރުގައި ދަށު ކޯޓުން ނެރެފައިވާ ޙުކުމެއް އެއްފަރާތް ކުރުމަކީ އެންމެ ޢަދުލުވެރި ގޮތްތޯ ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުމުގައި އެ މައްސަލައިގައި ޣައިރު ޙާޟިރުގައި ޙުކުމް ކުރިފަހުން ގިނަ ދުވަސްތަކެއް ވެފައިވާނަމަ، އެކަމަށާއި ދަށުކޯޓުގައި ދަޢުވާކުރި ފަރާތުގެ ޙައްޤަކަށް އެ ޙުކުމް އެއް ފަރާތްކޮށްފިނަމަ ލިބިދާނެ ގެއްލުމަށްވެސް ރިޢާޔަތް ކުރަންވާނެ ކަމަށެވެ. އަދި މަދަނީ ދެބަސްވުންތައް ކޯޓުގައި އޮމާންކަމާއެކު ހިންގުމަށް ދަޢުވާލިބޭ ބައެއް ފަރާތްތަކުން ހުރަސް އެޅުމަށްޓަކައި ކޯޓަށް ޙާޟިރުނުވުމާއި ކޯޓުގެ އިޖުރާއަތުތައް ފުރިހަމަ ނުކުރުމާއި ކޯޓުގެ އިޖުރާއަތުތައް ތައައްސަފީ ގޮތުގައި ބޭނުން ކުރަމުން ގެންދާކަމަށާ، އަދި މިގޮތަށް ޢަމަލުކުރުމުން ދަޢުވާކުރާ ފަރާތުން ހުށަހަޅާ މައްސަލަތައް ހުއްޓި އެ މައްސަލަ އެއްވެސް ކޮޅެއްގައި ނުޖެހި ހައްގުތަކުން ޚަސްމުން މަޙުރޫމްވެގެން ދާކަމަށެވެ. މިކަމަށް ހައްލު ލިބޭނީ ދަޢުވާ ލިބޭ ފަރާތްތަކުން ކޯޓަށް އިޖާބަދިނުމަށް ބާރު އެޅިގެންކަމަށެވެ. ޣައިރު ޙާޟިރުގައި ޙުކުމް ކުރުމަކީ ދަޢުވާ ލިބޭ ފަރާތްތަކުން ކޯޓަށް ޙާޟިރުވުމަށާއި ކޯޓަށް އިޖާބަ ދިނުމަށް ބާރު އެޅުމުގެ ވަސީލަތެއް ކަމަށެވެ.
27. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/572 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 8.2 ވަނަ ޕެރެގްރާފްއަށް ބަލާއިރު، އެ ޕެރެގްރާފްގައި ބަޔާންކުރަނީ އިސްތިއުނާފުކުރާ ފަރާތްތަކުގެ (ޕާރލް ހޮލިޑޭސް އަދި އިބްރާހީމް ދީދީ އަދި އަޙްމަދު ފިޔާޟް) ޢައިރު ޙާޟިރުގައި މައްސަލަ ނިންމާފައިވަނީ އެ ކޯޓު (ސިވިލް ކޯޓު) ގެ ނަންބަރު IS(HD)/2019/1207، IS(HD)/2019/1208 އަދި IS(HD)/2019/1209 "ކޯޓަށް ޙާޟިރުވުމުގެ އަމުރު"ތަކާ ޙަވާލުވެ މަޤުބޫލު ޢުޛުރަކާނުލާ އެ ފަރާތްތަކުން ކޯޓަށް ޙާޟިރުވެފައިނުވާކަން ސިވިލް ކޯޓުގެ ނަންބަރު 51/Cv-C-HD/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަކަމެވެ. އަދި މި މައްސަލައިގެ ދަށުކޯޓުގެ ފައިލަށް ބެލުމުން 5 (ފަހެއް) ފަހަރެއްގެ މަތިން (27 މާރިޗު 2019، 9 މެއި 2019، 16 މެއި 2019، 16 ޖޫން 2019، އަދި 15 ޖުލައި 2019) ކޯޓަށް ޙާޟިރުވުމަށް / ޖަވާބުދާރީވުމަށް އިސްތިއުނާފުކުރާ ފަރާތްތަކަށް އެންގުނުކަން އެފަރާތްތަކާއި ޙަވާލުކުރެވުނު ކޯޓަށް ޙާޟިރުވުމުގެ އަމުރުތަކުން އެނގޭކަމެވެ.
28. މި ނުކުތާއާ ގުޅުންހުރި ޤާނޫނީ އުސޫލުތަކަށާއި ދެފަރާތުން ދެއްކި ވާހަކަތަކަށާއި ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން، އިސްތިއުނާފުކުރާ ޕާރލް ހޮލިޑޭސްއަށް ސިވިލް ކޯޓަށް ޙާޟިރުވެ މައްސަލައިގައި ޖަވާބުދާރީވުމަށް އެތައް ފުރުސަތެއް ދަށުކޯޓުން ދީފައިވާކަން އަހުރެންނަށް ފާހަގަކުރެވެއެވެ. އަދި ކޯޓުން ދިން ފުރުސަތުތަކުގެ ބޭނުން ހިފުމެއްނެތި، ކޯޓުގެ އެންގުންތަކަށް އިޖާބަދީފައި ނުވުމަކީ، ކޯޓުގެ އިޖުރާއަތު ނަހަމަގޮތުގައި ބޭނުން ހިފަން އިސްތިއުނާފު ކުރާ ފަރާތުން މަސައްކަތް ކޮށްފައިވާކަމުގެ އިހުތިމާލު އޮތް ކަމެއްކަމުގައި ޤަބޫލު ކުރެވެއެވެ.
ދަށު ކޯޓަށާއި ހައިކޯޓަށް ހުށަނޭޅޭ އައު ނުކުތާ ސުޕްރީމް ކޯޓަށް ހުށަހެޅުން
29. ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިނުވާ ބައެއް ކަންކަން ޕާރލް ހޮލިޑޭސްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ބުނެ މުޙައްމަދު ޢަޒުމީ ޕާރލް ހޮލިޑޭސްގެ އިސްތިއުނާފަށް އިޢުތިރާޒް ކުރެއެވެ. ދަށު މަރުޙަލާގެ ކޯޓަށާއި ހައިކޯޓަށް ހުށަނޭޅީވާ އައު ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ އުސޫލުތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އަލީގައި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައެޅިފައިވެއެވެ. މިގޮތުން ދަށު ކޯޓަށާއި ހައިކޯޓަށް ހުށަނޭޅިވާ އައު ނުކުތާ ސުޕްރީމް ކޯޓަށް ބަލައިގަތުމާ ގުޅޭގޮތުން ހުރި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކަށް ބަލައިލާއިރު؛
29.1. ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ 9ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ "ސުޕްރީމް ކޯޓު މަރުޙަލާއަކީ ފުރަތަމަ މަރުޙަލާގެ ކޯޓަށް ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުސޫލުން ނުވަތަ ފުރަތަމަ މަރުޙަލާގެ ކޯޓުން ކުރި ޙުކުމާ ގުޅޭ އެންމެހައި ޢުންޞުރުތަކާއި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤު ކޮށްފައިވާ ގޮތާއި، މި އެންމެހައި ކަންކަން ބަލާ މަރުޙަލާއެއް ނޫނެވެ." މިފަދައިންނެވެ.
29.2. އަދި އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް10 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ "އާންމު އުސޫލަކީ ސުޕްރީމް ކޯޓަށް ހުށަހެޅޭ އިސްތިއުނާފީ މައްސަލަތަކުގައި އައު ހުށަހެޅުންތައް ހުށަހަޅައި އެއާ މެދު ބަހުސް ނުކުރުން ކަމުގައިވީނަމަވެސް، ހައިކޯޓުން ފައިޞަލާކޮށް ނިންމާފައިވާ މައްސަލައެއް އިސްތިއުނާފު ކުރެވިފައިވާ ޙާލަތުގައި، އެ މައްސަލައިގެ ބާވަތަށާއި މައްސަލައަކާ ގުޅިގެން އަލަށް ހުށަހެޅޭ ހުށަހެޅުމުގެ މުހިންމުކަމުގެ މައްޗަށާއި އެ ހުށަހެޅުމުގެ ޞައްޙަކަމާއި އަދި އެ ހުށަހެޅުމެއް ހުށަހެޅުމުގެ ފުރުޞަތު ނުދީފިނަމަ ނިކުމެދާނެ ނަތީޖާގެ މައްޗަށް ބަލައި، އައު ހުށަހެޅުންތައް ހުށަހަޅައި އެކަންކަމާމެދު ބަހުސްކުރުމުގެ ފުރުޞަތު ޚާއްޞަ އިސްތިސްނާ ޙާލަތްތަކެއްގައި ސުޕްރީމް ކޯޓުގެ މަރުޙަލާގައިވެސް ދެވިދާނެކަން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކަށް ބެލުމުން އެނގެން އޮންނަކަމަށެވެ. މިގޮތުން، އިސްތިސްނާ ޙާލަތްތަކުގައި އައު ހެކި ބަލައިގަތުމުގައި، ހުށަހެޅޭ އައު ހެއްކަކީ އަންނަނިވި އުންސުރުތައް ފުރިހަމަވާ ހެކިކަމުގައި ވާންވާނެއެވެ. (1) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އެ މައްސަލައެއް ދަށު މަރުޙަލާގައި ހިނގަމުންދިޔައިރު، އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްގެންވެސް ލިބިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން.(Non-availability) (2) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ސަބަބުން މައްސަލައިގެ ޙުކުމަށް ބަދަލު ނައިނަމަވެސް، އޭގެ ސަބަބުން އެ މައްސަލައިގެ މައުޟޫޢަށް އެކަށީގެންވާ ފަދަ ނުފޫޒެއް ފޯރުވާފަދަ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (Relevance) (3) އެފަދަ ހެއްކަކީ ނުވަތަ ހުށަހެޅުމަކީ އޭގެ ޞައްޙަކަމާމެދު ސުވާލު އުފެދިފައިނުވާ ހެއްކަކަށް ނުވަތަ ހުށަހެޅުމަކަށްވުން. (Credibility)" މިފަދައިންނެވެ.
29.3. އަދި މަޙުދީ ޢަޤީލް ވ. ވްލަޑިމިއަރ ޑްރަގްލޮވިޗް11 މި ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ "ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިއްޖެނަމަ، އިސްތިސްނާ ޙާލަތެއްގައި މެނުވީ ސުޕްރީމް ކޯޓުން އެ މައްސަލައެއް ބަލައި ފައިޞަލާކުރާނީ ދަށުކޯޓުގައި ހުށަހެޅުނު ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވިގެން ހިނގަމުންދާ މައްސަލައެއްގައި އައު ހެކި ހުށަހެޅިދާނެ އިސްތިސްނާ ޙާލަތެއް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގައި ބަޔާންކޮށްފައި ވީނަމަވެސް، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިގެން ހިނގަމުންދާ މައްސަލައެއްގައި އައު ހެކި ހުށަހެޅުމާގުޅޭގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ވަކިއެއްޗެއް ބުނެފައިނުވެއެވެ. އެހެންކަމުން، ދަށު ކޯޓަށް ހުށަހަޅާފައިނުވާ އައު ހުށަހެޅުންތައް މި މަރުޙަލާގައި ހުށަހަޅައި އެއާމެދު ބަހުސްކޮށް ޝަރީޢަތްތައް ހިންގުމަކީ އިސްތިސްނާ ޙާލަތެއްގައި މެނުވީ ވަރަށް ބޮޑަށް މަޙްދޫދުކުރެވިފައިވާ ކަމެއްކަން އެނގެއެވެ." މިފަދައިންނެވެ.
29.4. އަދި ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް12 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ"...ދިވެހިރާއްޖޭގައި ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ވިޔަސް އައު ޤާނޫނީ ނުކުތާތައް އެންމެ މަތީ މަރުހަލާ ކޯޓުން ބަލައިގަނެވިދާނެ ހާލަތްތައް ބަޔާންކޮށްފައިނެތް ނަމަވެސް، އިންސާފަށް ވާސިލުވުމަށްޓަކައި، އައު ޤާނޫނީ ބަހުސަކަށް ފުރުސަތު ހުޅުވާލެވިދާނެ ހާލަތްތައް ހުންނަންޖެހޭނެކަމަށް ދެކެމެވެ. އެގޮތުން؛ (1) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ (2) ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވާނަމަ13، އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަތުމުގައި ހުރަހެއް އޮތްކަމަކަށް ]ނުދެކޭ ކަމަށެވެ.[ އައު ނުކުތާއަކަށް ރިޢާޔަތްކުރާނަމަ، އެ ނުކުތާއަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިއާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށު ކޯޓަށް ހުށަނޭޅުނު ސަބަބާއި އަދި މި ނޫންވެސް އެހެނިހެން މައްސަލައިގެ ވަށައިގެންވާ ކަންކަމަކީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެ ކަންކަމެވެ. އެހެންކަމުން ... ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ހާލަތުގައި ޢަމަލުކުރަންޖެހޭނެ ޢާންމު އުސޫލަކީ، އިސްތިއުނާފު ކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުހަލާތަކުގައިވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަހުސަކަށްވުމެވެ. ދަށު މަރުހަލާތަކުގައި ހުށަހެޅި ދިފާއުތަކާއި ޤާނޫނީ ބަހުސްތަކާ ތަފާތު އައު ނުކުތާއެއް ހުށަހެޅެންވާނީ ވަރަށް އިސްތިސްނާ ހާލަތެއްގައެވެ." މިފަދައިންނެވެ.
29.5. އަދި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް14 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، .."ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް15 މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަ ކުރައްވާފައިވާ ފަދައިން ސުޕްރީމް ކޯޓުގައި ފާހަގަ ކުރާ އައު ޤާނޫނީ ނުކުތާތައް ބަލައިގަނެވިދާނެ އުސޫލުތަކަކީ، ޢާންމު އުސޫލުތަކެއް ނޫނެވެ. އެއީ އިސްތިސްނާ ތަކެކެވެ. ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ޢާންމު އުސޫލުތައް ބަޔާންވެފައި އެ ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައެވެ. ބަޔާންވެފައިވާ، މި ޢާންމު އުސޫލުތަކުގެ ޚުލާޞާއަކީ، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ އެ ނިންމުމަށް ވާސިލުވުމުގައި ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތިވުމެވެ. މިއިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް، ޢާންމު ގޮތެއްގައި އެކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެއެވެ. ނުވަތަ އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެއެވެ." މިފަދައިންނެވެ.
30. ދަށު މަރުޙަލާގެ ކޯޓަށާއި ހައިކޯޓަށް ހުށަނޭޅީވާ އައު ނުކުތާއެއް ސުޕްރީމް ކޯޓަށް ބަލައިގަތުމުގެ އުސޫލު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ އަލީގައި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުން މިވަނީ ކަނޑައަޅާފައެވެ. މި މައުޟޫޢާ ގުޅިގެން މުޙައްމަދު ޢަޒުމީ ހުށަހަޅާފައިވާ ކަންކަމަށް ބަލާއިރު، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކުގައި ކަނޑައެޅިފައިނުވާ ގޮތަކަށް ހުށަހެޅުނު އެއްވެސް ހެއްކެއް ނުވަތަ ލިޔެކިޔުމެއް މި މައްސަލައިގެ ތެރެއިން ރިޢާޔަތް ކުރެވިފައިނުވާތީ އިސްތިއުނާފުގެ ޖަވާބުގައި މުޙައްމަދު ޢަޒުމީ ހުށަހެޅި މި ނުކުތާ އަހުރެންނަކަށް ބަލައެއް ނުގަނެވެއެވެ.
ކުންފުނިން ދައްކަންޖެހޭ ފައިސާއެއްގެ ޒިންމާއަށް ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ ކުރުވުން
31. ކުންފުންޏަކީ ކުންފުނީގެ ޙިއްޞާދާރުންނާއި ޑިރެކްޓަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޚްޞަކަށް ވުމުން، ކުންފުނީގެ ވިޔަފާރި ވާނީ ހަމައެކަނި ކުންފުނީގެ ވިޔަފާރިއަށެވެ. ކުންފުނީގެ ޙިއްޞާދާރުންގެ ނުވަތަ ޑިރެކްޓަރުންގެ ވިޔަފާރިއަކަށް ނޫނެވެ. އަދި ކުންފުންޏަކީ ކުންފުނީގެ ޙިއްޞާދާރުންގެ އެޖެންޓެއް ނުވަތަ ޓްރަސްޓީއެއްވެސް ނޫނެވެ. ކުންފުންޏާބެހޭ ޤާނޫނުގައި ވާގޮތުގެ މަތިން މެނުވީ ކުންފުނީގެ ޙިއްޞާދާރުން ކުންފުނީގެ ދަރަންޏަށް ފަރުދީގޮތުން ޒިންމާވާން ނުޖެހޭނެކަމީ ދަރަންޏަށް ޒިންމާވާ (ލިމިޓެޑް ލައިބިލިޓީ) ކުންފުނީގެ އެންމެ އަސާސީ އެއް މަފްޙޫމްއެވެ. އަދި ޑިރެކްޓަރުންވެސް ޤާނޫނީ ހަމަތަކުގެ މަތިން ޒިންމާކުރުވާ ޙާލަތެއްގައި މެނުވީ ކުންފުނީގެ ވިޔަފާރީގެ މުޢާމަލާތްތަކަށް ފަރުދީގޮތުން ޒިންމާވާކަށްވެސް ނުޖެހޭނެއެވެ.
32. ކުންފުނި ހިންގުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (1996) ގެ16 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ކޮންމެ ކުންފުންޏެއްވެސް ހިންގަންވާނީ، ޑިރެކްޓަރުންގެ ބޯޑަކުންކަމަށެވެ. އަދި ކޮންމެ ކުންފުންޏެއްގައިވެސް އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މެންބަރުންގެ ތެރެއިން މީހަކު ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރެއްގެ ގޮތުގައި ހަމަޖައްސާފައި ހުންނަންވާނެކަމަށެވެ.17 ކުންފުނީގެ ޑިރެކްޓްރުންނާ މަތިކުރެވިފައިވާ ބައެއް މަސްއޫލިއްޔަތުތަކުގެ ވާހަކަ18 ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު (1996) ގައި ބަޔާންކޮށްފައި އޮތްނަމަވެސް، ކުންފުނީގެ ޢަމަލުތައް ބަހައްޓަންވީ ގޮތާމެދު ވަކި އެއްޗެއް ޤާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ.
33. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު19 ގެ 74 ވަނަ މާއްދާއަކީ ކުންފުނީގެ ޤާނޫނީ ޝަޙުޞިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމާ ގުޅޭގޮތުން އޮތް މާއްދާއެވެ. އެ މާއްދަގައި ބަޔާންކުރަނީ ކުންފުންޏަށް ލިބިގެންވާ އަމިއްލަ ޝަޚްޞިއްޔަތު ނިވާފަތްގަނޑަކަށް ބޭނުން ހިފަމުން ގެންދިޔަ ޑިރެކްޓަރުން އެ ކުންފުނީގެ ނަމުގައި ކުރިކަންތައްތަކަށް އެ ޑިރެކްޓަރުން އަމިއްލައަށް ޒިންމާ އުފުލުމަށް އަމުރު ކުރުމުގެ ބާރު ކޯޓަށް އަންނަނިވި ޙާލަތްތަކުގައި ކޯޓަށް ލިބިގެންވާކަމަށެވެ. އެ ޙާލަތްތަކަކީ
(ހ) ކުންފުންޏަށް ލިބިފައިވާ ޝަޙްޞިއްޔަތު ޤާނޫނާ ޚިލާފު ކަމެއް ކުރުމަށްޓަކައި ބޭނުން ކުރުން. (ށ) ކުންފުންޏަށް ލިބިފައިވާ ޤާނޫނީ ޝަޙްޞިއްޔަތު، މަކަރާ ޙީލަތް ހެދުމަށްޓަކައި ބޭނުންކުރުން. (ނ) ކުންފުންޏަށް ލިބިފައިވާ ޝަޙްޞިއްޔަތު، ކުންފުންޏަށް ދަރަނި ދޫކޮށްފައިވާ ފަރާތްތަކަށާއި، ކުންފުންޏާއެކު ވިޔަފާރިކުރި ނުވަތަ ކުރަމުން ގެންދާ ފަރާތްތަކަށް އޮޅުވާލުމުގެ ނިޔަތުގައި ބޭނުންކުރުން. (ރ) މަތީގައި ބަޔާންކުރި (ހ)، (ށ)، (ނ) ގައި ބުނެފައިވާ ޙާލަތްތަކުގެ އިތުރަށް، ޤާނޫނުގައި ބަޔާން ކޮށްފައިވާ އެހެނިހެން ޙާލަތްތައް؛ މިއެވެ.
34. ކުންފުނިން ކުރި މުޢާމަލާތަކާ ގުޅިގެން ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ ކުރުވާނަމަ މަކަރާއި ޙީލަތް ހެދުން ނުވަތަ ނުނިޔަތުގައި ކަން ކުރުން ނުވަތަ ޑިރެކްޓަރަކަށް ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުން ލިބިދޭ ޤާނޫނީ ބާރުގެ ބޭރުން ކަންކުރިކަން ޝަރީޢަތަށް ސާބިތުވާންޖެހޭނެއެވެ.
35. މުޙައްމަދު ޢަޒުމީގެ ފަރާތުން ސިވިލް ކޯޓުގައި ކުރި ދަޢުވާގައި އެދިފައިވައިވަނީ މުޙައްމަދު ޢަޒުމީގެ ތަނެއް މުޙައްމަދު ޢަޒުމީގެ ހުއްދަނެތި މަކަރާ ހީލަތުން ތިންވަނަ ފަރާތަކަށް ޕާރލް ހޮލިޑޭސްގެ ފަރާތުން ކުއްޔަށްދީ އެތަނުން ނުހައްޤު މަދަނީ މަންފާ ޕާރލް ހޮލިޑޭސް އިން ހޯދައިފައިވާތީ އެ ފައިސާ އެކީ އެއްފަހަރާ ލިބިދިނުމަށެވެ. އެ ދަޢުވާއަކީ ކުންފުނި އުވާލުމަށް ނުވަތަ ކުންފުނީގެ ކޯޕަރޭޓް ވޭލް ލިފްޓްކޮށް ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ އުފުލަންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި އުފުލި ދަޢުވާއެއް ނޫނެވެ.
36. ޕާރލް ހޮލިޑޭސްއިން ކޮށްފައިވާ މުޢާމަލާތްތަކަށް ޕާރލް ހޮލިޑޭސްގެ އިތުރުން އެ ކުންފުނީގެ 02 (ދޭއް) ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ އުފުލަން ޖެހޭކަމަށް ޝަރީޢަތުން ކަނޑައެޅި ކަނޑައެޅުމާ ގުޅިގެން ޕާރލް ހޮލިޑޭސްއިން ފާހަގަކުރި ނުކުތާއިން އަހުރެންނަށް ފާހަގަކުރެވެނީ ޕާރލް ހޮލިޑޭސްގެ ކިބައިން ލިބެންޖެހޭ ފައިސާއެއްވާނަމަ އެ ފައިސާއެއް ދެއްކުމުގެ ޒިންމާއަކީ ޕާރލް ހޮލިޑޭސް އިން އުފުލަންޖެހޭނެ ޒިންމާއެއް ކަމަށް ބުނާކަމެވެ. ކުންފުނިން ކުރި މުޢާމަލާތަކާ ގުޅިގެން ކުންފުނީގެ ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާ ކުރުވާނަމަ، މަކަރާއި ޙީލަތް ހެދުން ނުވަތަ ނުނިޔަތުގައި ކަން ކުރުން ނުވަތަ ޑިރެކްޓަރަކަށް ކުންފުނީގެ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދުން ލިބިދޭ ޤާނޫނީ ބާރުގެ ބޭރުން ކަންކުރިކަން ޝަރީޢަތަށް ސާބިތުވާކަން ވަރަށް ސާފުކޮށް ކޯޓުން ކަނޑައަޅަންޖެހޭނެވެ. އަދި ކޯޓުން އެ ނަތީޖާއަށް ވާޞިލްވި ގޮތް ސާފުކޮށް ބަޔާންކުރަން ޖެހޭނެއެވެ. މީގެ އިތުރަށް، ދަޢުވާކުރާ ފަރާތުން އެކަމަށް އެދިފައި އޮންނަން ޖެހޭނެއެވެ. ޕާރލް ހޮލިޑޭސްގެ ދެ ޑިރެކްޓަރަކު ފަރުދީގޮތުން ޒިންމާ އުފުލަންޖެހޭނެ ކަމަށް ކަނޑައެޅި ކަނޑައެޅުމުގެ ނަތީޖާއަށް ވާސިލުވިގޮތް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ތަފްޞީލްކޮށް ހިމަނާފައި ނެތަތީ މި ނުކުތާގައި ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ނިންމާފައިވާ ނިންމުން ރަނގަޅު ކަމަކަށް އަހުރެން ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
37. މި މައްސަލައިގައި ދެފަރާތުން ދެއްކި ވާހަކަތަކަށާއި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން، އިސްތިއުނާފުކުރާ ޕާރލް ހޮލިޑޭސްއަށް ސިވިލް ކޯޓަށް ޙާޟިރުވެ މައްސަލައިގައި ޖަވާބުދާރީ ވުމަށް އެތައް ފުރުސަތެއް ދަށުކޯޓުން ދީފައިވާކަން އަހުރެންނަށް ފާހަގަކުރެއެވެ. އަދި ކޯޓުން ދިން ފުރުސަތުތަކުގެ ބޭނުން ހިފުމެއްނެތި، ކޯޓުގެ އެންގުންތަކަށް އިޖާބަދީފައި ނުވުމަކީ، ކޯޓުގެ އިޖުރާއަތު ނަހަމަގޮތުގައި ބޭނުން ހިފަން އިސްތިއުނާފު ކުރާފަރާތުން މަސައްކަތް ކޮށްފައިވުމުގެ އިހުތިމާލު އޮތް ކަމެއްކަމުގައި އަހުރެންނަށް ޤަބޫލު ކުރެވޭތީ ޕާރލް ހޮލިޑޭސްގެ މި އިސްތިއުނާފީ ނުކުތާ ބަލައިގަންނަން ޖެހޭކަމަކަށް އަހުރެން ނުދެކެމެވެ.
38. ދިވެހިރާއްޖޭގެ ހައިކޯޓުގައި ފާހަގަކޮށްފައިނުވާ ބައެއް ކަންކަން މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށް މުޙައްމަދު ޢަޒުމީގެ ފަރާތުން ފާހަގަކުރިނަމަވެސް، ދަށު މަރުޙަލާގެ ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ރިޢާޔަތް ކުރެވިފައި ނުވާ އައު ނުކުތާއަކަށް ރިޢާޔަތް ކުރެވިފައި ނުވާތީ މި އިސްތިއުނާފުގެ ރައްދުގައި މުޙައްމަދު ޢަޒުމީ ހުށަހެޅި މި ނުކުތާ ބަލައި ގަންނަން ޖެހޭ ކަމަށް އަހުރެން ނުދެކެމެވެ.
39. ޕާރލް ހޮލިޑޭސްގެ ކިބައިން ލިބެންޖެހޭ ފައިސާއެއްވާނަމަ އެ ފައިސާއެއް ދެއްކުމުގެ ޒިންމާ އުފުލަންޖެހޭނީ ޕާރލް ހޮލިޑޭސްއިންނެވެ. ޕާރލް ހޮލިޑޭސްގެ ދެ ޑިރެކްޓަރަކު ފަރުދީ ގޮތުން ޒިންމާ އުފުލަންޖެހޭނެ ކަމަށް ކަނޑައެޅި ކަނޑައެޅުމުގެ ނަތީޖާއަށް ވާސިލުވިގޮތް ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައި ނެތަތީ މި ނުކުތާގައި ސިވިލް ކޯޓުންވެސް އަދި ހައިކޯޓުންވެސް ނިންމާފައިވާ ނިންމުން ރަނގަޅެއް ނޫނެވެ. ޕާރލް ހޮލިޑޭސްގެ 2 (ދޭއް) ޑިރެކްޓަރުން ފަރުދީގޮތުން ޒިންމާވާން ޖެހޭނެކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމަށް ބަދަލު ގެންނަންޖެހޭނެކަމަށް އަހުރެން ދެކެމެވެ.
40. މި މައްސަލައިގައި ޕާރލް ހޮލިޑޭސް އަށް ޖީއެމްއާރު މާލެ އިންޓަރނޭޝަނަލް އެއަރޕޯޓް ޕްރައިވެޓް ލިމިޓެޑުން ދައްކާފައިވާ US $52,000.00 (ފަންސާސް ދެހާސް އެމެރިކާ ޑޮލަރު) އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ދައްކާފައިވާ 601,380/-ރ. (ހަލައްކަ އެއްހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ) އަކީ، ހުޅުމާލެ ލޮޓް ނަންބަރު 10809 ގޯތީގައިވާ ޢިމާރާތުގެ ވެރިފަރާތް މުޙައްމަދު ޢަޒުމީއަށް ޕާރލް ހޮލިޑޭސްގެ ފަރާތުން ލިބިދޭންޖެހޭ ފައިސާއެއް ކަން މަދަނީ މިންގަނޑުން ސާބިތު ވާކަމަށް ސިވިލް ކޯޓުއިން އަދި ހައިކޯޓުއިން ކަނޑައެޅި ކަނޑައެޅުން ރަނގަޅުކަމަށް އަހުރެން ދެކެއެވެ. އަދި ޕަރލް ހޮލިޑޭސް އަށް އެއްވެސް ގެއްލުމެއް ލިބިފައިވާ ކަމަށް އެފަރާތުން ބުނާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމަށް ދަޢުވާ ކުރުމުގެ ޙައްޤު ލިބިގެންވާކަމަށް ހައިކޯޓުން ކަނޑައެޅި ކަނޑައެޅުން ރަނގަޅުކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ހުސްނުއް ސުޢޫދުގެ ރައުޔު
41. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
42. މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން،
(ހ) މި މައްސަލައިގައި US $52,000.00 (ފަންސާސް ދެހާސް އެމެރިކާ ޑޮލަރު) ނުވަތަ އެ ޢަދަދަށް ދިވެހި ރުފިޔާއިން ޖެހޭ މިންވަރާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ދައްކާފައިވާ 601,380/-ރ. (ހަލައްކަ އެއްހާސް ތިންސަތޭކަ އަށްޑިހަ ރުފިޔާ) އަކީ، ހުޅުމާލެ ލޮޓް ނަންބަރު 10809 ގޯތީގައިވާ ޢިމާރާތުގެ ވެރިފަރާތް މުޙައްމަދު ޢަޒުމީއަށް ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ލިބިދޭންޖެހޭ ފައިސާއެއް ކަން މަދަނީ މިންގަނޑުން ސާބިތު ވާކަމަށް ކަނޑައަޅައި ސިވިލް ކޯޓުން ކުރި ޙުކުމް ބާޠިލް ކުރަންޖެހޭ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު
2019/HC-A/572 ޤަޟިއްޔާއިން ނިންމި ނިންމުމުގެ އެބަޔަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށް ފީމެވެ.
(ށ) އަދި "ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި އެ ކުންފުނިން ކޮށްފައިވާ މި ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ދެ މުޢާމަލާތަށް އެ ކުންފުނީގެ ޑިރެކްޓަރުން ކަމުގައިވާ ސ. ހުޅުދޫ، ޕެރިސްގެ، އިބްރާހީމް ދީދީ އާއި ޏ. ފުވައްމުލައް، ލީނާ، އަޙްމަދު ފިޔާޟް ފަރުދީގޮތުން ޒިންމާ އުފުލަންޖެހޭ ކަން ޝަރީޢަތަށް ސާބިތުވާކަމަށް ސިވިލް ކޯޓުގެ ނަންބަރު 51/Cv-C-HD/2019 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުން ބާޠިލްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޙުސްނުއް ސުޢޫދު އަޙްމަދު މުޢުތަޞިމް ޢަދުނާން ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
1 ރަޖިސްޓްރީ ނަންބަރު C-288/2006
2
3 ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-A/09 ޤަޟިއްޔާއަށް ރިއާޔަތްކޮށް ޕާރލް ހޮލިޑޭސްގެ ފަރާތުން ފާހަގަކުރާ އުޞޫލްގައި ބަޔާންކުރަނީ އަންޖަސްޓް އެންރިޗްމަންޓް އުސޫލު ނުވަތަ ނުޙައްޤު މަންފާ ލިބިދިނުމުގެ އުސޫލެވެ.
4 ސިވިލް ކޯޓުގައި ކުރިއަށްގެންދިޔަ ޝަރީޢަތުގެ އަޑުއެހުންތަކުގައި ހައިކޯޓުގައި އިސްތިއުނާފުކުރި ފަރާތުން ބައިވެރިވެފައިނުވާކަން އެ ކޯޓުގެ ޝަރިޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެއެވެ. ސިވިލް ކޯޓުން ޙުކުމްކޮށްފައިވަނީ އެ ފަރާތުގެ ޢައިރު ޚާޒިރުގައެވެ.
5 ފުރަތަމަ ގޮތަކީ ކޯޓަށް ޙާޟިރުވުމުގެ އަމުރުލިބި، މަޤުބޫލު ޢުޛުރެއްނެތި އަމުރުގައިވާ ތާރީޚާއި ގަޑިއަށް ދަޢުވާލިބޭ ފަރާތް ކޯޓަށް ޙާޟިރު ނުވެއްޖެނަމަ ކޯޓަށް ޙާޟިރުވުމަށް އެންގުނީ ކަމަށް ބަލައި އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުމެވެ. އަދި ދެވަނަ ގޮތަކީ، ކޯޓަށް ޙާޟިރުކުރަންޖެހޭ މީހާ ދީފައިވާ އެޑްރެހުގައިނެތި، އެމީހާ ވީތަނެއް ނޭނގޭނަމަ ޣައިރު ޙާޟިރުގައި މައްސަލަ ހިންގޭނެކަން އެނގޭނެ ގޮތަށްއެމީހާ ހޯދުމަށް ރޭޑިއޯއިން ނުވަތަ ޓީވީން އެނޫންވެސް ޚަބަރު ފަތުރާ ވަސީލަތްތަކުން އިޢުލާނު ކުރުމަށްފަހު،އިޢުލާނުގައިވާ ތާރީޚާއި ގަޑިއަށް ކޯޓަށް ޙާޟިރުނުވެއްޖެނަމަ، ކޯޓަށް ޙާޟިރުވުމަށް އެންގުނީކަމަށް ބަލައި، އެމީހާގެ ޣައިރު ޙާޟިރުގައި ކޯޓުން ގޮތެއް ނިންމުން ކަމަށެވެ.
6 [2021] SC 41
7 މުޙައްމަދު ޢަޒުމީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި ގޮތަށް ތިރީގައި ނަކަލުކުރެވިފައި.
8 [2021] SC 41
9 ސުޕްރީމް ކޯޓުގެ ނަންބަރު2012/SC-A/27 ޤަޟިއްޔާ
10 ސުޕްރީމް ކޯޓުގެ ނަންބަރު2013/SC-A/20 ޤަޟިއްޔާ
11 ސުޕްރީމް ކޯޓުގެ ނަންބަރު2021/SC-A/21 ޤަޟިއްޔާ
12 [2021] SC 75
13 މިސާލަކަށް ސުޕްރީމް ކޯޓުގެ އަމާނާ ތަކަފުލް (މޯލްޑިވްސް) ޕަބްލިކް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ([2021] SC 66 ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/69 ގަޒިއްޔާ) ގައި ކޮންޓްރެކްޓާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 91/4) ގެ 16 ވަނަ މާއްދާއާ ދަށު ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ހަވާލާދީފައި ނެތްނަމަވެސް، އެ މާއްދާއާ ހަވާލާދީ އަމާނާ ތަކަފުލްގެ ފަރާތުން ހުށަހަޅާފައިވާ ޤާނޫނީ ނުކުތާއަކީ، މައްސަލައިގެ ވާޤިއާތަކާ ގުޅިލާމެހިފައިވާ މާއްދާއެއްކަމުން، އެ ނުކުތާއާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމަށް ނިންމާފައިވެއެވެ.
14 [2022] SC 41
15 [2021] SC 75
16 ޤާނޫނު ނަންބަރު 96/10
17 ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 45 ވަނަ މާއްދާގެ (ބ)
18 މިސާލަކަށް ޤާނޫނު ނަންބަރު 96/10 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ 63 ވަނަ މާއްދާއިން ކުންފުނީގެ ހިސާބުތައް ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ނުވަތަ އެ ޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ރަޖިސްޓްރާރ އޮފް ކޮމްޕެނީސްއަށް ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުން
19 ޤާނޫނު ނަންބަރު 96/10
2021/SC-A/40 [2024] SC 13
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.