ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/57
ޝަރީޢަތް ނިމުނުގޮތް
ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންނިމުނު ތާރީޚު
19 އޮގަސްޓް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/583
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މޯލްޑިވްސް ކަސްޓަމްސް ސަރވިސް
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ސުޕްރިންޓެންޑެންޓް އިބްރާހީމް ފަޔާޟް
ޤާނޫނީ ވަކީލު: ސްޓޭޓް އެޓަރނީ އިބްރާހީމް ޝިނާން، ސްޓޭޓް އެޓަރނީ ސަހުނާ ޢަބްދުއްޞަމަދު، ސްޓޭޓް އެޓަރނީ މަރްޔަމް ޝާނީ ކަޕޫރުﷲ ޔޫސުފް، ޗެންނާއީ، ޓެމިލްނާޑޫ، އިންޑިއާ )
ބަދަލުގައި:ސައްޔެދު ފާރޫޤު
ޤާނޫނީ ވަކީލު: ނޫރުއްސަލާމް އަބޫބަކުރު
ޤާނޫނާ ޚިލާފަށް ޑިކްލެއަރ ނުކޮށް މުދާ އެތެރެކުރުން- ޤާނޫނު ނަންބަރު 8/2011 (ދިވެހިރާއްޖޭގެ ކަސްޓަމްސްގެ ޤާނޫނު) ގެ 90 ވަނަ މާއްދާ (މުދަލާއި ތަކެއްޗާއި އުޅަނދު ހިފެހެއްޓުން)، 92 ވަނަ މާއްދާގެ (ށ) (ހިފެހެއްޓިފައިވާ ތަކެއްޗާމެދު ޢަމަލުކުރެވޭ ގޮތް)، 93 ވަނަ މާއްދާ (ހިފެހެއްޓޭ މުދާ ދައުލަތަށް ނެގުން)، 67 ވަނަ މާއްދާ (އިމްޕޯޓްކުރާ މުދާ ދޫކުރުން)، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 16 އަދި 18 ވަނަ މާއްދާ، އައު ޤާނޫނީ ނުކުތާތައް އެންމެ މަތީ މަރުޙަލާ ކޯޓުތަކުން ބަލައިގަނެވިދާނެ ޙާލަތްތައް
ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
ކަޕޫރުﷲ ޔޫސުފް މެލޭޝިޔާގެ ވެރިރަށް، ކުއަލަލަމްޕޫރުން ރާއްޖެ އައިއިރު، އޭނާ ލައިގެން ހުރި ޖެކެޓްގެ ތެރެއަށާއި، ފަޓުލޫނުގެ ޖީބަށް އަޅައިގެން ފޮރުވައިގެން ގެނައި ބަރުދަނުގައި 1700 ގްރާމް ހުރި ރަން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ޑިކްލެއަރ ނުކޮށް ރާއްޖެ އެތެރެކޮށްފައިވާތީ، ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު (މީގެފަހުން "ކަސްޓަމްސް ޤާނޫނު") ގެ 90 ވަނަ މާއްދާއާ ޙަވާލާދީ 93 ވަނަ މާއްދާގެ ދަށުން އެ މުދާ ދައުލަތަށް ނެގުމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ސިވިލް ކޯޓުން ބެލީ އެ ކޯޓުގެ ނަންބަރު 77/Cv-C/2016 ގަޒިއްޔާއިންނެވެ. އެ ގަޒިއްޔާގައި ޙުކުމްކުރީ އެ ރަނަކީ ކަސްޓަމްސް ޤާނޫނާ ޚިލާފަށް އެތެރެކޮށްފައިވާ މުދަލެއްކަން ޝަރީޢަތަށް ސާބިތުވާތީ، އެމުދަލަކީ ދައުލަތަށް ނެގެވިގެންވާ ދައުލަތުގެ މިލްކެއްކަމަށް ކަނޑައަޅައެވެ. ކަޕޫރުﷲ ޔޫސުފްގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ހައިކޯޓުން ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/583 ގަޒިއްޔާއިންނެވެ. އަދި އެ ގަޒިއްޔާގައި ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކުރިއެވެ.
މިއީ ހައިކޯޓުގެ ނަންބަރު 2016/HC-A/583 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލި މައްސަލައެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމިގޮތް
ސިވިލް ކޯޓުގެ ނަންބަރު 77/Cv-C/2016 ގަޒިއްޔާގައި، ކަޕޫރުﷲ ޔޫސުފް ރާއްޖެ އެތެރެކުރި 1700 ގްރާމް ރަނުގެ އެފް.އޯ.ބީ އަގަކީ، ކަސްޓަމްސް އިން ޤަބޫލުކުރާ ރަނުގެ ރޭޓުން ބަލާއިރު، 1,107,154/16ރ. (އެއްމިލިޔަން އެއްލައްކަ ހަތްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ/ ސޯޅަ ލާރި) ކަމަށްވުމުން، އެ ރަން ކަސްޓަމްސްއަށް ޑިކްލެއަރނުކޮށް ރާއްޖެ އެތެރެކޮށްފައިވަނީ ކަސްޓަމްސް ޤާނޫނުގެ 101 ވަނަ މާއްދާއާ ޚިލާފަށްކަމާއި، އެހެންކަމުން، އެ މުދާ ހިފެހެއްޓުމުގެ ބާރު، ކަސްޓަމްސް ޤާނޫނުގެ 90 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ކ) އާ ޙަވާލާދީ، އެ ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) ގެ ދަށުން، ދައުލަތަށް ލިބިގެންވާކަމުން، އެ ރަނަކީ، ދިވެހި ދައުލަތަށް ނެގެވިގެންވާ ދިވެހި ދައުލަތުގެ މިލްކެއްކަމަށް ކަނޑައަޅައި، އެ ގަޒިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 77/Cv-C/2016 ގަޒިއްޔާ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ހައިކޯޓުން އެމައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު 2016/HC-A/583 ގަޒިއްޔާއިންނެވެ. ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި މައިގަނޑު ދެ ނުކުތާއަކީ، ކަސްޓަމްސް ޤާނޫނުގެ 93 ވަނަ މާއްދާގެ (ށ)،(ނ)،(ރ) އަދި (ކ) އާ ޙަވާލާދީ، އެ ޤާނޫނުގެ 3 ވަނަ މާއްދާގެ ދަށުން މުދަލެއް ދައުލަތަށް ނަގާދީފައިވަނީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) އަދި ހައިކޯޓުގެ ނަންބަރު 2012/HC-A/124 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށާއި، އަދި މި މައްސަލައިގައި ކަޕޫރުﷲ ޔޫސުފްގެ މައްޗަށް ޖިނާއީ ދަޢުވާއެއް އުފުލުމެއް ނެތި، ކުށެއް ސާބިތުވެފައިނުވާއިރު ކަޕޫރުﷲ ޔޫސުފްގެ އަތުން ފެނުނު އޭނާގެ އަމިއްލަ މުދާ ދައުލަތަށް ނެގުމަށް ކަނޑައަޅާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާތަކެވެ. ހައިކޯޓުގެ ނަންބަރު 2016/HC-A/583 ގަޒިއްޔާގައި ޙުކުމްކުރީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) ކަސްޓަމްސްއަށް ޑިކްލެއަރ ކުރަންޖެހޭ ތަކެތި ޑިކްލެއަރ ކުރުމާއި މުދަލާއި ގުޅޭގޮތުން ސައްޙަ މައުލޫމާތު ހުށަހެޅުމަކީ ރާއްޖެއަށް މުދާ އިމްޕޯޓްކުރާ އަދި އަންނަ ފަރާތުގެ ޒިންމާއެއްކަމާއި، މުދާ އިމްޕޯޓްކުރަނީ ގިނަ މީހުން ބައިވެރިވެގެންނަމަ، އެ އެންމެން އެކުގައި ނުވަތަ ވަކިވަކިންވެސް ޒިންމާ އުފުލަންވާނެކަން ކަސްޓަމްސް ޤާނޫނުގެ 101 ވަނަ މާއްދާއިން އެނގެން އޮންނަކަން. (ށ) ކަސްޓަމްސް ޤާނޫނުގެ 93 ވަނަ މާއްދާގެ (ހ) އަށް ބަލާއިރު، އެ ޤާނޫނުގެ ދަށުން ހިފެހެއްޓޭ ކޮންމެ މުދަލަކީ ނުވަތަ އެއްޗަކީ ނުވަތަ އުޅަނދަކީ ކޯޓު އަމުރެއްގެ ދަށުން ދައުލަތަށް ނެގިދާނެ ތަކެތިކަން އެނގޭކަމާއި، މި މައްސަލާގައި ކޯޓު އަމުރަކަށް އެދިފައިވަނީ ހިފެހެއްޓިފައިވާ ތަކެތީގެ ޖުމްލަ އަގު 100,000/-ރ. (އެއްލައްކަ ރުފިޔާ) އަށްވުރެ މަތިވުމުންކަން އެނގެން އޮންނަކަން.
(ނ) މި މައްސަލާގައި ދައުލަތުން ސާބިތުކޮށްދޭންޖެހޭ ކަމަކީ، ކަސްޓަމްސް ޤާނޫނާ ޚިލާފަށް ޑިކްލެއަރ ކުރަންޖެހޭ މުދަލެއް ޑިކްލެއަރ ނުކޮށް ރާއްޖެ އެތެރެކުރިކަމާއި، އެހެންވުމުގެ ސަބަބުން ކަސްޓަމްސްއިން އެ މުދާ ހިފަހައްޓާފައިވާކަމާއި، ކަސްޓަމްސްއިން ހިފަހައްޓާފައިވާ މުދަލަކީ ކަސްޓަމްސް ޤާނޫނުގައި ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތަށް ހިފެހެއްޓިފައިވާ މުދާކަން.
(ރ) ކަޕޫރުﷲ ޔޫސުފް ރާއްޖެ އައިއިރު، 1700 ގްރާމް ރަން އެތެރެކޮށްފައިވަނީ ކަސްޓަމްސްގެ ޤާނޫނާ ޚިލާފަށްކަމާއި، އެތަކެއްޗަކީ ކަސްޓަމްސް ޤާނޫނުގެ 90 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ހިފެހެއްޓިދާނެ ތަކެތިކަން އެނގޭކަމާއި، އަދި އެތަކެތި ހިފެހެއްޓިފައިވާގޮތާމެދު ހިތްހަމަނުޖެހޭނަމަ، އެ މައްސަލަ ޝަރީޢަތަށް ހުށަހެޅުމުގެ ޙައްޤު އެ ޤާނޫނުގެ 92 ވަނަ މާއްދާގެ (ނ) ގެ ދަށުން ލިބިއޮތް ނަމަވެސް، އެއްވެސް މައްސަލައެއް ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ޝަރުޢީ ކޯޓަކަށް ހުށަހަޅާފައިނުވާކަން.
(ބ) ކަސްޓަމްސް ޤާނޫނު ފަދަ ވަކި ޚާއްޞަ ޤާނޫނަކުން ވަކިކަމެއް ވަކިގޮތަކަށް ކުރުމަކީ ކުށެއްކަމަށް ބަޔާންކުރުމަށްފަހު، އެ ކުށްކުރާ ފަރާތުގެ އެކުށަކާ ގުޅުންހުރި މުދާ ދައުލަތަށް ނެގޭނެކަމަށް ބަޔާންކޮށްފައިވާނަމަ، އެކަމަކީ ޤާނޫނުއަސާސީގެ 40 ވަނަ މާއްދާގެ (ށ) ގައިވާ އިސްތިސްނާއީ ހާލަތާ ޤިޔާސްކުރެވޭނެކަމެއް ނޫންކަން.މި ސަބަބުތަކުގެ މައްޗަށް ބުރަވެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދުކޮށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/583 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ގަޒިއްޔާ ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު ނުކުތާތަކަކީ؛
5.1- ކަސްޓަމްސް ޤާނޫނުގެ 90 ވަނަ މާއްދާއިން ކަސްޓަމްސްއަށް ލިބިގެންވާ ހަމައެކަނި ބާރަކީ މުދާ ހިފެހެއްޓުން ކަމުގައިވާއިރު، އިސްތިއުނާފުކުރާ ފަރާތުގެ އަތުން ފެނުނު މުދާ ދައުލަތަށް ނެގުމުގައި ކަސްޓަމްސް ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށްފައި ނުވުން، އަދި
5.2- ރަނަކީ ޑިކްލެއަރ ކުރަންޖެހޭ މުދަލެއްކަމާއި، ޑިކްލެއަރ ކުރަންޖެހޭނީ ކޮން މިންވަރަކަށްވުރެ އިތުރުވާނަމަކަން ކަޕޫރުﷲ ޔޫސުފްއަށް އަންގާފައި ނެތްއިރު، އެތެރެކުރި މުދަލަކީ ވަގަށް އެތެރުކުރި މުދަލެއްކަމަށް ބަލައި، އެ މުދާ ދައުލަތަށް ނަގާފައިވަނީ ކަސްޓަމްސް ޤާނޫނުގެ 67 ވަނަ މާއްދާއަށް ރިއާޔަތްކުރުމެއް ނެތިކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތަކުގެ ރައްދުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސް (މީގެ ފަހުން "މޯލްޑިވްސް ކަސްޓަމްސް ސަރވިސް" ނުވަތަ "ދައުލަތް") ގެ ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ ބަޔާންވެދިޔަ ދެ ނުކުތާގައިވެސް ހުށަހަޅާފައިވަނީ ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަން ނޫންކަމަށާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު (މީގެފަހުން "ކޯޓުތަކުގެ ޤާނޫނު") ގެ 16 ވަނަ މާއްދާގެ ދަށުން، ސުޕްރީމް ކޯޓުގައިވެސް އިސްތިއުނާފީ މައްސަލައެއް ބެލުމުގެ އަސާސްއަކީ ދަށު ކޯޓާއި އަދި ހައިކޯޓަށް ހުށަހެޅުނު ހެއްކާއި ދިފާޢުތައްކަމަށެވެ.
ހައިކޯޓަށް ހުށައަޅާފައިނުވާ އައު ޤާނޫނީ ނުކުތާ ސުޕްރީމް ކޯޓަށް ހުށަހެޅުން
ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެ ހާލަތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވޭ މައިގަނޑު ދެ ހާލަތަކީ، ފުރަތަމަ ކަމަކަށް އެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފު ސަބަބުތަކެއްގެ މައްޗަށް ކަމުގައިވުން، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން، އަދި ދެވަނަ ކަމަކަށް، ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތަކީ އެ ޤާނޫނުގައި ބަޔާންކޮށްފައިވާ އައިބުތަކުގެ ތެރެއިން އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުމެވެ.
ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގައި، ސުޕްރީމް ކޯޓުން މައްސަލަތައް މައުޟޫޢީ ގޮތުން ބަލާއިރު ޢަމަލުކުރާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން 18 ވަނަ މާއްދާގެ (ހ) ގައި، އެ މައްސަލައަކީ ސުޕްރީމް ކޯޓަށް މައުޟޫޢީ ގޮތުން ބެލެން އޮތް މައްސަލައަކަށްވެފައި، އެ މައްސަލާގައި ކަންހިނގާފައިވާ ގޮތް ދަށު ކޯޓުން ކަށަވަރުކޮށްދީފައިވަނީ ފުރިހަމައަށް އަދި ޞައްޙަކޮށްކަމަށް ކަނޑައެޅިއްޖެނަމަ، އެ މައްސަލާގައި ޢަމަލުކުރަންޖެހޭ ޤާނޫނީ އުޞޫލު ކަނޑައެޅުމަށްފަހު މައްސަލަ ނިންމުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވާކަމަށެވެ. ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގައި، އެ މައްސަލައަކީ ކަން ހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ މައްސަލައެއް ނަމަ، އެ މައްސަލަ އަލުން ބެލުމަށްޓަކައި ހައިކޯޓަށް ފޮނުވަންޖެހެއެވެ.
ވުމާއެކު، ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއާއި 18 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާނީ ހައިކޯޓުގައި ނިންމި ނިންމުން އަސާސްކަމުގައި ބަލައިގެންނެވެ. ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ އިބާރާތުން އިޝާރާތްކުރަނީ މައްސަލައެއްގައި ކަންހިނގާދިޔަ ގޮތަށް ނުވަތަ ވާޤިއާއަށްކަމަށް ބެލެވެއެވެ. މައްސަލައެއްގައި ކަން ހިނގާދިޔަ ގޮތް ކަށަވަރުކުރުމާއި، ކަން ހިނގާދިޔަ ގޮތާ މެދު ޚިލާފުވުންތަކެއް ނެތް ނަމަވެސް އެ މައްސަލާގައި އައު ޤާނޫނީ ބަހުސެއް ހުށަހެޅުމަށް ފުރުސަތު ދެވުމަކީ ތަފާތު ދެކަމެކެވެ. ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ސާފު އިބާރާތުން، ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ބިނާވާންވާނީ އެ ކޯޓުން ގޮތް ކަނޑައަޅާފައިވާ ކަމެއް، ނުވަތަ ޢަމަލުކޮށްފައިވާ ގޮތެއްގެ މައްޗަށްކަން އެނގެއެވެ. އެހެނީ، އިސްތިއުނާފީ މަރުހަލާއެއް އޮތުމުގެ މަޤުސަދަކީ އެއަށްވުރެ ދަށު މަރުހަލާއަށް ގޯހެއް ހެދިފައިވާނަމަ، އެކަމެއް އިސްލާޙުކުރުމުގެ ފުރުސަތު އޮތުމެވެ. އިސްލާޙުކުރަންޖެހޭ ވަކި ކަމެއް ފާހަގަކުރުމަކާ ނުލައި، މުޅިން އައު ޤާނޫނީ ނުކުތާތަކަކަށް ސުޕްރީމް ކޯޓުން ގޮތް ކަނޑައެޅުމަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ރޫހާ އެއްގޮތްވާނެ ކަމެއްނޫނެވެ.
މިހެން ބުނި ނަމަވެސް، ސުޕްރީމް ކޯޓު މަރުހަލާގައި، ހައިކޯޓަށް ހުށަނާޅައި އައު ޤާނޫނީ ބަހުސަކަށް ފުރުސަތު ދެވުމުގެ އިހުތިމާލު އުފަންވެދާނެ ހާލަތްތަކެއް ހުރެދާނެއެވެ. ދުނިޔޭގެ ތަރައްޤީވެފައިވާ މުޖްތަމަޢުތަކުގައި، މިފަދަ ހާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލުތައް އެ ޤައުމުތަކުގެ އިޖުރާއަތާބެހޭ ޤާނޫނުތަކުގައި ބަޔާންކުރެވިފައިވެއެވެ. ދިވެހިރާއްޖޭގައި ޤާނޫނެއް ނުވަތަ ގަވާއިދެއްގައި ވިޔަސް އައު ޤާނޫނީ ނުކުތާތައް އެންމެ މަތީ މަރުހަލާ ކޯޓުން ބަލައިގަނެވިދާނެ ހާލަތްތައް ބަޔާންކޮށްފައިނެތް ނަމަވެސް، އިންސާފަށް ވާސިލުވުމަށްޓަކައި، އައު ޤާނޫނީ ބަހުސަކަށް ފުރުސަތު ހުޅުވާލެވިދާނެ ހާލަތްތައް ހުންނަންޖެހޭނެކަމަށް ދެކެމެވެ. އެގޮތުން؛ ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއަކަށްވާނަމަ، ނުވަތަ
ހުށަހަޅާ އައު ޤާނޫނީ ނުކުތާއަކީ ހައިކޯޓުން މައްސަލަ ނިންމާ ގޮތެއްގެ ސަބަބުން ޙުކުމާ ސީދާ ގުޅުމެއްވާ ކަމަކަށްވާނަމަ ނުވަތަ އިސްތިއުނާފުކުރާ މައްސަލައާ ސީދާ ގުޅިލާމެހިފައިވާ ނުކުތާއަކަށްވާނަމަ
އައު ޤާނޫނީ ނުކުތާއެއް ސުޕްރީމް ކޯޓުން ބަލައިގަތުމުގައި ހުރަހެއް އޮތްކަމަކަށް އަހުރެން ނުދެކެމެވެ. އައު ނުކުތާއަކަށް ރިޢާޔަތްކުރާނަމަ، އެ ނުކުތާއަކާ ގުޅިގެން މައްސަލައިގެ އިތުރު ވާޤިއާތަކެއް ކަށަވަރުކުރަން ނުޖެހުމާއި، އެ ނުކުތާއެއް ދަށު ކޯޓަށް ހުށަނޭޅުނު ސަބަބާއި އަދި މި ނޫންވެސް އެހެނިހެން މައްސަލައިގެ ވަށައިގެންވާ ކަންކަމަކީ އެ ނުކުތާއާ މެދު ގޮތެއް ކަނޑައެޅުމުގައި ރިއާޔަތްކުރެވިދާނެ ކަންކަމެވެ.
އެހެންކަމުން، ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ އަލީގައި، ހައިކޯޓުގެ ޙުކުމެއް ނުވަތަ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ހާލަތުގައި ޢަމަލުކުރަންޖެހޭނެ ޢާންމު އުސޫލަކީ، އިސްތިއުނާފު ކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުހަލާތަކުގައިވެސް ހުށަހެޅިފައި އޮތް ޤާނޫނީ ބަހުސަކަށްވުމެވެ. ދަށު މަރުހަލާތަކުގައި ހުށަހެޅި ދިފާއުތަކާއި ޤާނޫނީ ބަހުސްތަކާ ތަފާތު އައު ނުކުތާއެއް ހުށަހެޅެންވާނީ ވަރަށް އިސްތިސްނާ ހާލަތެއްގައެވެ.
މި މައްސަލައިގައި ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ހުށަހަޅާފައިވާ ދެ ނުކުތާއަށް ވަކި ވަކިން ރިޢާޔަތް ކޮށްލާނަމެވެ.
ކަސްޓަމްސް ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުން
މި ނުކުތާގެ ތަފްޞީލުގައި ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ބުނެފައިވަނީ ކަސްޓަމްސް ޤާނޫނުގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ޤާނޫނާ ޚިލާފަށް އެތެރެކުރުމުގެ ސަބަބުން ހިފަހައްޓާ މުދަލާ ގުޅޭގޮތުން ޢަމަލުކުރާނެ ޚާއްޞަ އުޞޫލެއް އެ ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާކަމަށެވެ. އެގޮތުން، ކަސްޓަމްސް ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ލިބޭ ފުރަތަމަ އިޚްތިޔާރަކީ އެ މުދަލެއް ދިވެހިރާއްޖެއަށް އެތެރެކުރި ފަރާތް ރާއްޖެއިން ފުރަންދެން އެ މުދަލެއް ނުވަތަ ތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓުންކަމަށާއި، އެކަމާބެހޭ އުސޫލުތައް ގަވާއިދެއްގައި ބަޔާންކުރަންޖެހޭނެކަމަށް ޤާނޫނުގައި އޮތްނަމަވެސް، އެފަދަ މުދަލެއް ދިވެހިރާއްޖެއަށް އެތެރެކުރި ފަރާތެއް ރާއްޖެއިން ފުރަންދެން އެ މުދަލެއް ނުވަތަ އެ އެއްޗެއް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓުމާ ގުޅޭ ގޮތުން ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ހެދިފައިނުވާކަމަށެވެ.
މި ނުކުތާގެ ޖަވާބުގައި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ބުނެފައިވަނީ، ކަޕޫރުﷲ ޔޫސުފްގެ ފަރާތުން މި ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ނުކުރާކަމަށާއި، މިއީ ސުޕްރީމް ކޯޓު މަރުހަލާގައި މުޅިން އަލަށް ދެއްކޭ ވާހަކަކަމަށެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ފަރާތުން ފާހަގަކުރާ ފަދައިން، މި ނުކުތާއަކީ ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ހުށަހަޅާފައިވާ ނުކުތާއެއް ނޫނެވެ. ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ހައިކޯޓުގެ ގަޒިއްޔާއެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާނަމަ، އެފަދަ އިސްތިއުނާފެއް ބިނާވާންވާނީ ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވާ ކަމަކާ ގުޅިގެންނެވެ.
ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ހުށަހަޅާ މި ނުކުތާއަކީ އައު ޤާނޫނީ ނުކުތާއެއް ބަލައިގަތުމުގެ އިސްތިސްނާ ހާލަތަކަށް ފެތޭ ނުކުތާއެއްތޯ ބަލާއިރު، ކަސްޓަމްސް ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަސްޓަމްސްގެ އިޚްތިޔާރު ބޭނުންކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލެއް ކަނޑައެޅިފައި ނެތުމަކީ، މި މައްސަލައިގައި ޢަދުލު އިންސާފަށް ވާސިލުވުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ކަމެއްތޯ ބަލަންޖެހެއެވެ. އެގޮތުން، މުޅި މައްސަލަ ދައުރުވަނީ ކަސްޓަމްސް ޤާނޫނުގެ ދަށުން ކަޕޫރުﷲ ޔޫސުފް އެތެރެކުރި ރަން ދައުލަތަށް ނެގުމަށް ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއްކަން ނުވަތަ ނޫންކަމާމެދުގައެވެ.
ކަސްޓަމްސް ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގައިވަނީ އަންނަނިވި ފަދައިންނެވެ.
މި ޤާނޫނުގެ ދަށުން ހިފެހެއްޓޭ މުދާ ނުވަތަ އެއްޗެހި ނައްތާލުމުގައި، އެ މުދަލަކީ ނުވަތަ އެއްޗަކީ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އިމްޕޯޓްކޮށްގެން ހިފެހެއްޓި އެއްޗެއްނަމަ، އެ މުދަލެއް ނުވަތަ އެއްޗެއް އިމްޕޯޓްކުރި ފަރާތް ރާއްޖެއިން ފުރަންދެން އެ މުދަލެއް ނުވަތަ އެ އެއްޗެއް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބެހެއްޓުމާއި، ދައުލަތަށް ނެގުމާއި، ނުވަތަ ޤާނޫނު ހުއްދަކުރާ އެހެން ގޮތަކަށް އެ މުދަލެއް ނުވަތަ އެއްޗަކާމެދު ޢަމަލުކުރުމުގެ އިޚްތިޔާރު ކަސްޓަމްސްއަށް ލިބިގެންވެއެވެ. އަދި ކަމާބެހޭ އުސޫލުތައް ކަސްޓަމްސްގެ ގަވާއިދުގައި ބަޔާންކުރަންވާނެއެވެ.
ކަސްޓަމްސް ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުން ދައުލަތަށް މުދާ ނެގުމުގެ ބާރު ލިބިދެއެވެ. ޤާނޫނުން ލިބިދެވިފައިވާ މި ބާރު ދައުލަތުގެ ފަރާތުން ބޭނުންކޮށްފައިވަނީ ޤާނޫނާ ޚިލާފަށް، ނުވަތަ އެކަށީގެންވާ ގޮތަކަށް ނޫންކަން ދައްކުވައިދިނުމުގެ ބުރަ އުފުލަންޖެހޭނެ ފަރާތަކީ ކަޕޫރުﷲ ޔޫސުފްއެވެ. ކަޕޫރުﷲ ޔޫސުފްގެ ދިފާއުގައި، ބުނެވިދިޔަ ކަންކަން ސާބިތުކޮށްދިނުމަށް، ނުވަތަ ކަސްޓަމްސްއިން އޭނާ ގެނައި 1700 ގްރާމް ރަން ހިފަހައްޓާފައިވަނީ ޤާނޫނުން ލިބިދެވޭ ބާރުތަކުގެ ބޭރުންކަން ދައްކުވައިދިނުމަށް، ކަސްޓަމްސް ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގެ ދައުރަކީ ކޮބައިކަން ބުނެދެވިފައިނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ، ކަސްޓަމްސް ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދަންޖެހޭ އުސޫލުތައް ހަދާފައިނުވާކަމަށް ކަޕޫރުﷲ ޔޫސުފް ހުށަހަޅާފައިވާ ކަންކަން އެއްފަރާތްކޮށް، މި ނުކުތާއަކީ އައު ނުކުތާއަކަށްވެހުރެ، މި މައްސަލައިގައި އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ރިޢާޔަތްކުރަންޖެހޭ ނުކުތާއެއްކަން ކަޕޫރުﷲ ޔޫސުފްއަށް ދެއްކިފައިނުވެއެވެ.
ހަމަ އެފަދައިން، ކަސްޓަމްސް ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) އަކީ ހައިކޯޓުގެ ނަންބަރު 2016/HC-A/583 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމާ ސީދާ ގުޅުމެއްވާ ނުކުތާއެއްކަން، ނުވަތަ މުޅި މައްސަލައާ ގުޅިލާމެހިފައިވާ ނުކުތާއެއްކަން ކަޕޫރުﷲ ޔޫސުފްއަށް ބުނެދެވިފައިނުވެއެވެ. އެހެންގޮތަކަށް ބުނާނަމަ، 92 ވަނަ މާއްދާގެ (ށ) ގެ ދަށުން ހަދަންޖެހޭ އުސޫލެއް ހެދިފައިނުވުމާއި، އެ ޤާނޫނުގެ 93 ވަނަ މާއްދާގެ ދަށުން އަޅާފައިވާ ފިޔަވަޅާ އޮތް ގުޅުމެއް ނުވަތަ ގުޅިދާނެ ގޮތެއް ކަޕޫރުﷲ ޔޫސުފްއަށް ދެއްކިފައިނުވެއެވެ.
ވުމާއެކު، ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ ދަށު އެއްވެސް މަރުހަލާއެއްގައި، އެ ނުކުތާއާ ގުޅިގެން އެއްވެސް ވަރަކަށް ވާހަކަދެކެވިފައިނުވާ ކަމެއްކަމުން، މި ނުކުތާއާ މެދު ސުޕްރީމް ކޯޓުން އިތުރަށް ގޮތެއް ކަނޑައަޅަންޖެހޭނެކަމަކަށް އަހުރެން ނުދެކެމެވެ.
ރަން ޑިކްލެއަރ ނުކުރުމުގެ ސަބަބުން އެ މުދަލަކީ ދައުލަތަށް ނެގިދާނެ މުދަލެއްތޯ
ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ދެވަނަ ނުކުތާގެ ތަފްޞީލުގައި، ރަނަކީ ޑިކްލެއަރ ކުރަންޖެހޭ މުދަލެއްކަމާއި، އަދި ޑިކްލެއަރ ކުރަންޖެހެނީ ވަކި މިންވަރަކަށްވުރެ އިތުރުވާނަމަކަން އަންގާފައިނުވާއިރު، އެތެރެކުރި މުދަލަކީ ވަގަށް އެތެރެކުރި މުދަލެއްކަމަށް ބަލައި، އެ މުދާ ދައުލަތަށް ނަގާފައިވަނީ ކަސްޓަމްސް ޤާނޫނުގެ 67 ވަނަ މާއްދާއަށް ރިޢާޔަތްކުރުމެއްނެތިކަމަށް ބުނެފައިވެއެވެ. ކަސްޓަމްސް ޤާނޫނުގެ 67 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިމްޕޯޓްކުރާ މުދާ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުން ދޫކުރުމާ ގުޅޭގޮތުންނެވެ.
މި ނުކުތާއަކީވެސް ސިވިލް ކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ނުނަގާ ނުކުތާއެއްކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ. މި ނުކުތާގެ މައުޟޫޢާ ގުޅޭ ގޮތުން ދައުލަތުގެ ފަރާތުން ޖުމްލަ ގޮތެއްގައި ފާހަގަކޮށްފައިވަނީ، ދިވެހިރާއްޖޭގެ އެކްސްޕޯޓް އިމްޕޯޓް ޤާނޫނު (މީގެ ފަހުން " އެކްސްޕޯޓް އިމްޕޯޓް ޤާނޫނު") ގެ ދަށުން ރަނަށް ޑިއުޓީ ނެގޭނެކަމަށާއި، ކަސްޓަމްސް ޤާނޫނުގެ 101 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީއާއި އެހެނިހެން ފައިސާ ދެއްކުމާއި ޑިކްލެއަރ ކުރަންޖެހޭ ތަކެތި ޑިކްލެއަރ ކުރުން ރާއްޖެ އަންނަ އަދި ފުރާ މީހުންގެ މައްޗަށްވެސް ލާޒިމުވާކަމަށެވެ. އަދި ޤާނޫނެއްގައިވާ އެއްޗެއް ނޭނގުމަކީ މީހަކު އަދާކުރުމަށް އޮންނަ ޒިންމާއަކުން ބަރީޢަކުރެވޭނެ ފަދަ ހުއްޖަތެއް ނޫންކަމަށެވެ.
ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ހުށަހަޅާފައިމިވާ ނުކުތާ ދައުރުވަނީ އޭނާ އެތެރެކުރި 1700 ގްރާމް ރަން ދައުލަތަށް ނަގާފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަން ނުވަތަ ނޫންކަމާ މެދުގައެވެ. ކަސްޓަމްސް ޤާނޫނުގެ 67 ވަނަ މާއްދާއާ ހަވާލާދީފައިވާއިރު، މި މާއްދާއަކީ މީގެ ކުރިން ދަށު އެއްވެސް މަރުހަލާއަކުން ކަޕޫރުﷲ ޔޫސުފް ހަވާލާދީފައިނުވާ މާއްދާއެއް ކަމުގައިވީނަމަވެސް، މި މާއްދާގެ މައުޟޫޢުކަމުގައިވާ އިމްޕޯޓްކުރާ މުދާ ކަސްޓަމްސްއިން ދޫކުރުން، ބިނާވަނީ ކަޕޫރުﷲ ޔޫސުފްގެ މުޅި ދިފާއުގެ މައްޗަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ކަޕޫރުﷲ ޔޫސުފް ރާއްޖެ އެތެރެކުރި 1700 ގްރާމްގެ ރަން ދައުލަތަށް ނުނެގޭނެކަމަށް ބުނާ ބުނުމުގެ މައްޗަށެވެ. މީގެ އިތުރުން، މި ނުކުތާއަށް ޖަވާބު ދިނުމުގައި، މި މައްސަލައިގެ އިތުރު ވާޤިއާތަކެއް ކަށަވަރުކުރުން ފަދަ ކަމެއް ނުހިމެނޭކަން ފާހަގަކުރަމެވެ. އަދި ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ކަސްޓަމްސް ޤާނޫނުގެ 67 ވަނަ މާއްދާއާ މީގެ ކުރިން ހަވާލާނުދިން ނަމަވެސް، މި ނުކުތާއާ ގުޅޭ މުޅި ބަހުސް ބިނާވަނީ ދަށު ކޯޓާއި ހައިކޯޓުގައިވެސް ދައްކާފައިހުރި ވާހަކަތަކުގެ މައްޗަށްކަން ފާހަގަކުރެވެއެވެ. ވުމާއެކު، މި މައްސަލައިގައިވާ ރަނަކީ ޑިކްލެއަރ ނުކޮށް އޮތްނަމަވެސް، އެތެރެކުރުން މަނާ އެއްޗަކަށް ނުވާތީ، އަދި ކަޕޫރުﷲ ޔޫސުފްގެ މައްޗަށް ޖިނާއީ ދަޢުވާއެއްވެސް ކޮށްފައިނުވާއިރު، ދައުލަތަށް ނެގިދާނެ އެއްޗެއްތޯ ނުވަތަ ނޫންތޯ ސުޕްރީމް ކޯޓުން ކަނޑައަޅަންޖެހެއެވެ.
އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 5 ވަނަ މާއްދާގައި ޑިއުޓީ ދައްކަންނުޖެހޭ ތަކެތި ބަޔާންކޮށްފައިވެއެވެ. ކަޕޫރުﷲ ޔޫސުފް އެތެރެކުރި 1700 ގްރާމްގެ ރަން ފެތެނީ އެތަނުން ކޮން ގިންތިއަކަށްކަމެއް ކަޕޫރުﷲ ޔޫސުފްގެ ފަރާތުން ބުނެދީފައިނުވެއެވެ. އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 6 ވަނަ މާއްދާގައި، އެ ޤާނޫނުގެ 5 ވަނަ މާއްދާއިން ޑިއުޓީ ދެއްކުމުން އިސްތިސްނާކުރެވޭ ތަކެތި ފިޔަވައި، އެހެން ތަކެތި އެ ޤާނޫނުގެ 7 ވަނަ މާއްދާގައި ހިމެނޭ 97 ޗެޕްޓަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ދައުލަތަށް އިމްޕޯޓު ޑިއުޓީ ދައްކަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ. އެ ޤާނޫނުގެ 7 ވަނަ މާއްދާގެ ޗެޕްޓަރ 71 ގައި މުތާއި، ޖަވާހިރާއި، އަގުބޮޑު މަޢުދަނާއި، އަގުބޮޑު މަޢުދަނުން ޕްލޭޓްކުރި މަޢުދަނާއި، މި އެއްޗެހިން އުފައްދާ ތަކެއްޗާއި، އިމިޓޭޝަން ގަހަނާއާއި ފައިސާ ފޮތި ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ. އެތަކެތީގެ ޑިއުޓީގެ މިންވަރަކީ %25 (ފަންސަވީސް އިންސައްތަ) އެވެ. މީގެ އިތުރުން، ދައުލަތުން ފާހަގަކޮށްފައިވާ ފަދައިން، ކަސްޓަމްސް ޤާނޫނުގެ 61 ވަނަ މާއްދާގައި އިމްޕޯޓުކުރާ މުދަލުގެ މަޢުލޫމާތު ހުށަހަޅަންޖެހޭ ގޮތުގެ ތަފްސީލު ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ 5 ވަނަ މާއްދާގައި ޑިއުޓީ ދެއްކުމުން އިސްތިސްނާވާ މުދަލެއް ފިޔަވައި، ރާއްޖެއަށް އެތެރެކުރެވޭ އެހެން މުދަލުން ޑިއުޓީ ދައްކަންޖެހެއެވެ. އަދި އެފަދަ މުދަލެއް އެތެރެކުރާނަމަ އެ މުދަލެއް ޑިކްލެއަރ ކުރަންޖެހެއެވެ.
ކަސްޓަމްސް ދާއިރާގެ ތެރެއިން ހިފެހެއްޓިދާނެ މުދާ ކަސްޓަމްސް ޤާނޫނުގެ 90 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. ކަސްޓަމްސް ޤާނޫނުގެ 90 ވަނަ މާއްދާގެ (ށ) ގެ ދަށުން ސިއްރުން ރާއްޖެއަށް އެތެރެކޮށްފައިވާ މުދާ، ނުވަތަ ޤާނޫނާއި ގަވާއިދާ ޚިލާފަށް ރާއްޖެއަށް އިމްޕޯޓުކުރާ ނުވަތަ ރާއްޖެއިން އެކްސްޕޯޓުކުރާ މުދާ ނުވަތަ މިފަދަ ގޮތަކަށް ރާއްޖޭގައި ގެންގުޅޭ މުދާ، އެ މާއްދާގެ (ނ) ގެ ދަށުން ޑިއުޓީ ދެއްކުމަށް މަނާވެގަތުމުށްޓަކައި ފޮރުވާފައިވާ މުދާ، އެ މާއްދާގެ (ރ) ގެ ދަށުން އެކްސްޕޯޓް އިމްޕޯޓާ ގުޅިގެން މުދަލުގެ މަޢުލޫމާތު ހުށަހަޅަންޖެހޭ މުއްދަތުގެ ތެރޭގައި އެ މުދަލެއްގެ މަޢުލޫމާތު ހުށަހަޅާފައިނުވާ މުދާ އަދި (ކ) ގެ ދަށުން ޑިއުޓީ ނަގަންޖެހޭ މުދަލެއް މީހެއްގެ އަތުގައި ހުރިތޯ ކަސްޓަމްއިން ސުވާލުކުރުމުން، ނެތްކަމަށް ބުނެފައިވަނިކޮށް، ނުވަތަ ނުދައްކާ ވަނިކޮށް އޭނާގެ އަތުން ނުވަތަ އޭނާގެ ފޮށި ތަންމަތިން ފެންނަ އެފަދަ މުދަލަކީ ކަސްޓަމްސްއަށް ހިފެހެއްޓިދާނެ ތަކެއްޗެވެ.
ކަސްޓަމްސް ޤާނޫނުގެ 90 ވަނަ މާއްދާގެ ދަށުން ހިފެހެއްޓިދާނެ މުދާކަމަށް އިޝާރާތްކުރަނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އެތެރެކުރެވޭ މުދަލަށް ނޫންކަން އެ މާއްދާއަށް ބެލުމުން އެނގެއެވެ. އަދި ކަސްޓަމްސް ޤާނޫނުގެ 92 ވަނަ މާއްދާއާއި 93 ވަނަ މާއްދާވެސް ހަވާލާދެނީ ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން އެތެރެކުރެވޭ މުދަލަކަށް ނޫންކަން އެ މާއްދާތަކަށް ބެލުމުން އެނގެއެވެ. މިއާ ޚިލާފަށް ކަސްޓަމްސް ޤާނޫނުގެ 67 ވަނަ މާއްދާގައި ދިވެހިރާއްޖެއަށް އިމްޕޯޓުކުރެވޭ މުދާ ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުން ދޫކުރެވޭނެ ގޮތްތައް ބަޔާންކޮށްފައިވެއެވެ. އެގޮތުން، ކަސްޓަމްސް ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު ރާއްޖެއަށް އިމްޕޯޓުކުރެވޭ އެއްވެސް މުދަލެއް އަންނަނިވި ގޮތުގެމަތިން މެނުވީ ކަސްޓަމްސް ކޮންޓްރޯލްގެ ދަށުން ދޫނުކުރެވޭނެކަމަށް އެ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
(ހ) ޝިޕް ސްޓޯރޒް ނުވަތަ ޓްރާންސްޝިޕްމަންޓުގައިވާ މުދާނަމަ، އެ މުދަލެއް އުފުލާ އުޅަނދެއް ދިވެހިރާއްޖެއިން ފުރަންދެން
(ށ) ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމަށް ގެންނަ އެއްޗެއްނަމަ، އެ އެއްޗެއްގެ އިމްޕޯޓު ޑިއުޓީއަށްވާ ފައިސާ ދައްކާ ނިމެންދެން ނުވަތަ އެ އެއްޗަކީ ޑިއުޓީގެ އެއްވެސް އިސްތިސްނާއެއް ލިބިގެންވާ އެއްޗެއްނަމަ، އެކަން ކަނޑައަޅައި ނިމެންދެން. މި މާއްދާ މިހެން އޮތުމަކުން މި ޤާނޫނުގެ ދަށުން ހެދޭ ގަވާއިދެއްގައިވާ ގޮތުގެ މަތިން، ކަސްޓަމްސްއިން ކަނޑައަޅާ ޙާލަތްތަކެއްގައި ނުވަތަ ވަކި ބާވަތެއްގެ މުދަލަކަށް ދައްކަންޖެހޭ އިމްޕޯޓު ޑިއުޓީ ދެއްކުން ފަސްކޮށްދިނުން މަނައެއް ނުކުރެއެވެ.
(ނ) އެ އެއްޗަކީ، އަމިއްލަ ބޭނުމަށްޓަކައި ދިވެހިރާއްޖެއަށް އިމްޕޯޓުކުރުމަށް ގެންނަ އެއްޗެތީގެ ތެރެއިން، އެއްވެސް އިސްތިސްނާއެއް ލިބިގެންވާ އެއްޗެއްނަމަ، އެކަން ކަސްޓަމްސް އިން ކަނޑައަޅައި ނިމެންދެން.
ކަސްޓަމްސް ޤާނޫނުގެ 67 ވަނަ މާއްދާގެ ކުރީގެ މާއްދާތަކާއެކު ކިޔާލުމުން، 67 ވަނަ މާއްދާގައި އެ ބުނަނީ ޤާނޫނާ އެއްގޮތަށް އެތެރެކުރާ މުދާކަން އެނގެއެވެ. ކަސްޓަމްސް ޤާނޫނުގެ 67 ވަނަ މާއްދާގައިވާ ކަންކަން ހިމެނޭނީ ކަސްޓަމްސް ކްލިއަރަންސް މަރުހަލާގެ ތެރޭގައިކަމަށް ބެލެވެއެވެ. މި މާއްދާއަކީ ޤާނޫނާ ޚިލާފުވެގެން ހިފަހައްޓާ މުދަލެއް ކަސްޓަމްސްއިން ދޫކުރުމަށް ލާޒިމުކުރާ މާއްދާއެއްނޫނެވެ.
ޤާނޫނާ ޚިލާފަށް އިމްޕޯޓުކުރެވޭ މުދަލަކީ ކޮބައިކަން ބަޔާންކޮށްފައިވަނީ ކަސްޓަމްސް ޤާނޫނުގެ 90 ވަނަ މާއްދާގައި ކަމުގައިވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ ހާލަތަކަށް ފެތޭ މުދަލާއި ތަކެއްޗާއި އުޅަނދުފަހަރު ކަސްޓަމްސްއަށް ހިފެހެއްޓިދާނެކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ކަސްޓަމްސްއިން ހިފަހައްޓާ މުދަލާއި ތަކެއްޗާ މެދު ޢަމަލުކުރެވޭނެ ގޮތް ކަސްޓަމްސް ޤާނޫނުގެ 92 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ހިފެހެއްޓޭ މުދާ ދައުލަތަށް ނެގިދާނެގޮތް އެ ޤާނޫނުގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ހުށަހެޅިފައިމިވާ މައްސަލައާ ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ތައްޔާރުކުރި "ތަޙްޤީޤް ރިޕޯޓް" ގައި، 5 ސެޕްޓެމްބަރު 2014 ގެ 21:58 ގައި ކުއަލަލަމްޕޫރު، މެލޭޝިޔާއިން ރާއްޖެއައި MH177 ފްލައިޓުން އައި އިންޑިޔާގެ ރައްޔިތެއްކަމަށްވާ ކަޕޫރުﷲ ޔޫސުފް ލައިގެން ހުރި ޖެކެޓު ތެރެއަށާއި ފަޓުލޫނުގެ ޖީބަށް އަޅައި ފޮރުވައިގެން 1700 ގްރާމް ރަން ކަސްޓަމްސް ޑިއުޓީ ނުދައްކައި ސިއްރުން ރާއްޖެ އެތެރެކުރަން އުޅުނުކަމުގެ ތުހުމަތު ކުރެވިގެން ހުށަހެޅުމުން، ކަޕޫރުﷲ ޔޫސުފްގެ އަތުން ފެނިފައިވާ ރަން ބިސްކޯދު (1700 ގްރާމްގެ ގޯލްޑް ބުލިއަންތަކެއް) 6 ސެޕްޓެންބަރު 2014 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވުނު ކަމަށްވެއެވެ. އަދި މި މައްސަލަ އިތުރަށް ތަޙުޤީޤުކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ހުށަހެޅުނެވެ. މީގެ އިތުރުން، 2 ސެޕްޓެމްބަރު 2014 ގައިވެސް ކަޕޫރުﷲ ޔޫސުފް ދިވެހިރާއްޖެއަށް އައި ކަމަށާއި އަދި އައިއިރު ގޯލްޑް ބުލިއަންސް ގެނެސް އެތަކެތި ސިއްރުން ރާއްޖެއަށް އެތެރެކޮށް، އޭނާއަކީ މިކަން ތަކުރާރުކޮށްފައިވާ މީހެއްކަމަށް ފުލުހުންގެ ތަޙުޤީޤަށް ފެންނަކަމަށް ބަޔާންކޮށްފައިވާކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ތަހުޤީޤު ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.
ކަޕޫރުﷲ ޔޫސުފް އެތެރެކުރި ރަނުގެ އެފް.އޯ.ބީ އަގަކީ، ކަސްޓަމްސް އިން ޤަބޫލުކުރާ ރަނުގެ ރޭޓުން ބަލާއިރު 1,107,154/16ރ. (އެއް މިލިޔަން އެއްލައްކަ ހަތްހާސް އެއްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ސޯޅަ ލާރި) ކަމަށް ސިވިލް ކޯޓުގެ ނަންބަރު 77/Cv-C/2016 ގަޒިއްޔާގައި ބަޔާންކޮށްފައިވެއެވެ.
މި މައްސަލައިގައި ކަން ހިނގާދިޔަ ގޮތަށް ބަލާއިރު، ކަޕޫރުﷲ ޔޫސުފް އޭނާގެ ހަށިގަނޑުގައި ފޮރުވައިގެން އެތެރެކުރި، ކޮންމެ ބުލިއަނެއްގައި 100 ގްރާމްހުރި 17 ގޯލްޑް ބުލިއަން، ކަސްޓަމްސްގައި ޑިކްލެއަރ ނުކުރެއެވެ. އޭނާގެ ހަށިގަނޑުން ފެނުނު ގޯލްޑް ބުލިއަންތަކުގައި ހުރީ ކަޅުކުލައިގެ ޓޭޕް އޮޅާފައެވެ. މީގެ އިތުރުން އޭނާގެ ދަބަސް ބަލައި ފާސްކުރިއިރު ތަކެތި ބަންދުކުރުމަށް ބޭނުންކުރާ ޒާތުގެ އާލާތްތައް ފެނިފައިވެއެވެ. އަދި މިކަމަށް ކަޕޫރުﷲ ޔޫސުފްގެ ފަރާތުންވެސް އިންކާރު ނުކުރެއެވެ.
ކަޕޫރުﷲ ޔޫސުފް އެތެރެކުރި ރަނަކީ އޭގެ ޒާތުގައި ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ އެއްޗެއް ނޫނެވެ. އެހެންނަމަވެސް، ދުނިޔޭގެ އެކި ޤައުމުތަކުގެ އެކި ޤާނޫނުތަކުގައިވެސްވާ ފަދައިން، އެއްޗެއް އެތެރެކުރާނަމަ ޤާނޫނާއި ގަވާއިދުގައިވާ އިޖުރާއާތްތައް ފުރިހަމަ ނުކުރެވުމުގެ ސަބަބުން، އެ މުދަލަކީ ޤާނޫނާ ޚިލާފަށް އެތެރެކުރި މުދަލެއްކަމަށް ބެލުމުގެ ފުރުސަތު އޮންނާނެއެވެ. މި މައްސަލައިގައި ކަޕޫރުﷲ ޔޫސުފް ރަން އެތެރެކުރިއިރު އެ ރަންތައް ޑިކްލެއަރ ނުކުރުމުގެ އިތުރުން، އެ ރަނަކީ ޞައްޙަގޮތުގައި ހޯދާފައިވާ އެއްޗެއްކަން ސާބިތުކޮށްދިނުމުގެ ލިޔެކިއުންތަކެއްވެސް ހުށަހަޅާފައިނުވެއެވެ.
ކަސްޓަމްސް ޤާނޫނުގެ 101 ވަނަ މާއްދާގެ ދަށުން ކަސްޓަމްސްއަށް ދައްކަންޖެހޭ ޑިއުޓީއާއި އެހެނިހެން ފައިސާ ދެއްކުމާއި ޑިކްލެއަރ ކުރަންޖެހޭ ތަކެތި ޑިކްލެއަރ ކުރުން ރާއްޖެ އަންނަ އަދި ފުރާ މީހުންގެ މައްޗަށްވެސް ލާޒިމުވެއެވެ. މި މައްސަލައިގައި، ކަޕޫރުﷲ ޔޫސުފްގެ ހަށިގަނޑު ބަލައި ފާސްކުރުމުގެ ކުރިއަށްވެސް، ހަށިގަނޑުގައި ރަންހުރި ކަމަށް ބުނެފައިނުވެއެވެ. އަދި މައްސަލައާ ގުޅިގެން ދައުލަތުން ކަޕޫރުﷲ ޔޫސުފްގެ މައްޗަށް ޖިނާއީ ދަޢުވާއެއް ނުކުރުމަށް ނިންމި ސަބަބަކީ މި މައްސަލައިގައި އެތެރެކުރި ރަން އެތެރެކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާގޮތުގެ މަތިންކަމަށް ބަލަންޖެހޭ ހުއްޖަތެއްވެސް ނޫނެވެ.
ކަޕޫރުﷲ ޔޫސުފް 1700 ގްރާމް ރަން އެތެރެކޮށްފައިވަނީ ކަސްޓަމްސް ޤާނޫނުގެ 90 ވަނަ މާއްދާގެ (ށ)، (ނ)، (ރ) އަދި (ކ) އާ ޚިލާފަށްކަމަށް ދައުލަތުން ބުނާއިރު، މިކަން ނަފީކޮށްދެވޭނެ އެއްވެސް ހެއްކެއް ޝަރީޢަތުގެ އެއްވެސް މަރުހަލާއެއްގައި ކަޕޫރުﷲ ޔޫސުފަށް ހުށަހަޅާދެވިފައިނުވެއެވެ. ވުމާއެކު ޤާނޫނާ ޚިލާފަށް އެތެރެކުރުމުގެ ސަބަބުން ކަސްޓަމްސްއިން ހިފަހައްޓާފައިވާ މުދަލަކަށް ކަސްޓަމްސް ޤާނޫނުގެ 67 ވަނަ މާއްދާގެ ދަށުން، އެފަދަ މުދަލެއް ކަސްޓަމްސްއިން ދޫކުރުމަށް ކޯޓުތަކަށް ލާޒިމުނުކުރެވޭނެއެވެ.
މި ގަޒިއްޔާގެ ޕެރެގްރާފް 17 ގައި ފާހަގަކޮށްފައިވާ ފަދައިން، ކަސްޓަމްސް ޤާނޫނާ ޚިލާފުވެގެން ހިފަހައްޓާ މުދަލާ މެދު ޢަމަލުކުރެވިދާނެ ގޮތް އެ ޤާނޫނުގެ 92 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވެއެވެ. މި އަކުރުގެ ސާފު އިބާރާތުން، މުދަލާ މެދު ޢަމަލުކުރަންވީ ގޮތަކީ ކަސްޓަމްސްގެ އިޚްތިޔާރުގައިވާ ކަމެކެވެ. އަދި އެފަދަ މުދަލެއް ދައުލަތަށް ނަގާނަމަ، ދެން ޢަމަލުކުރަންޖެހޭ ގޮތް ކަސްޓަމްސް ޤާނޫނުގެ 93 ވަނަ މާއްދާގައި ބަޔާންކޮށްފައިވާއިރު، ސީދާ ޤާނޫނަކުން ކަސްޓަމްސްއަށް ލިބިދެވޭ ބާރާއި އިޚްތިޔާރު ބޭނުންކޮށްފައިވާގޮތް، ޤާނޫނާ ޚިލާފުވަނީ ކިހިނެއްކަން ކަޕޫރުﷲ ޔޫސުފަށް ބުނެދެވިފައިނުވެއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ކަން އޮންނަ ގޮތް ކަޕޫރުﷲ ޔޫސުފަށް އަންގާފައިނުވާކަމަށް އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނާއިރު، ކަޕޫރުﷲ ޔޫސުފް ކޮށްފައިވާ ޢަމަލަކީ އާދައިގެ ފަސިންޖަރުން ތަންތަނަށް ދަތުރުކުރާއިރު ޢާންމުކޮށް ކޮށްއުޅޭ ކަހަލަ އާދައިގެ ކަމެއްނޫނެވެ. މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، މި މައްސަލައިގައި ކަޕޫރުﷲ ޔޫސުފް އެއަރޕޯޓުގައި އެންމެ ފުރަތަމަ ހިފެހެއްޓުނު ގޮތާއި، އޭނާ ބަލައި ފާސްކުރުމުން، އޭނާގެ ހަށިގަނޑުން ފެނުނު 1700 ގްރާމް ރަނުގެ އިތުރުން، ދަބަސްތެރޭން ފެނުނު ތަކެތި ބަންދުކުރުމަށް ގެންގުޅޭ އެހެނިހެން އާލާތްތަކާއި އަދި މިނޫންވެސް މި މައްސަލައިގައި ކަންހިނގާދިޔަ ގޮތާ ގުޅޭ އެހެނިހެން ކަންކަން ތަފްސީލީ ގޮތެއްގައި ބެލެވި ހެކިންގެ ހެކިބަސް ނެގުނުނަމަ، މި މައްސަލައިގެ ނިންމުން އިތުރަށް ފުރިހަމަވީސް ކަމަށް ޤަބޫލުކުރަމެވެ. ނަމަވެސް، މި މައްސަލައިގައި ކަން ހިނގާދިޔަގޮތް ތަފްސީލުކޮށް ކިޔައިދޭނެ ހެކިންގެ ހެކިބަސް ނުނެގި ކަމުގައިވީ ނަމަވެސް، ކަޕޫރުﷲ ޔޫސުފް ހިފެހެއްޓުނުގޮތާ މެދު ޚުދު އޭނާވެސް އިންކާރު ނުކުރާކަން ފާހަގަކުރަމެވެ.
ޤާނޫނުގައި އޮތް ގޮތަކީ ކޮބައިކަން އެނގިފައި ނެތުމަކީ ޤާނޫނަށް ޢަމަލުކުރުމުން ބަރީޢަވެވޭނެ ސަބަބެއް ނޫނެވެ. އަމިއްލަ ޤައުމުނޫން އެހެން ޤައުމަކަށް ދަތުރުކުރާއިރު، ޢާންމުކޮށް މީހުން ގެންގޮސް އުޅޭނެ ކަހަލަ މުދާ ނޫން އެހެން މުދާ ގެންދާނަމަ، ދަތުރުކުރާ ޤައުމުގައި ޢަމަލުކުރާ ޤާނޫނުގެ ދަށުން އެތެރެކުރަން ގަސްތުކުރާ މުދަލާގުޅިގެން އިލްތިޒާމްތަކެއްވޭތޯ ނުވަތަ ނޫންތޯ ބެލުމަކީ ދަތުރުކުރާ ފަރާތުގެ ޒިންމާއެކެވެ. މި ޒިންމާއިން ޓްރާންސިޓު ފަސިންޖަރުންވެސް އިސްތިސްނާނުވެއެވެ. ޤާނޫނުގައިވާ ގޮތެއް ސާފުނުކޮށް ދަތުރުކުރުމަކީ ދަތުރުކުރާ ފަރާތުން އަމިއްލައަށް ކޮނޑުއަޅާ ނުރައްކަލެކެވެ.
މި މައްސަލައިގައި ވަށައިގެންވާ ކަންކަމަށް ރިއާޔަތްކުރުމާއެކު، ކަޕޫރުﷲ ޔޫސުފް ޤާނޫނާ ޚިލާފަށް އެތެރެކުރަން މަސައްކަތްކޮށްފައިވާ ރަނަކީ، އާދައިގެ ފަސިންޖަރަކު އެތެރެކޮށްފާނެފަދަ، އަދި ޑިކްލެއަރ ނުކުރާނެ ފަދަ މުދަލެއް ކަމުގައި ބެލެވެން ނެތް ހާލު، އެ ރަނަކީ އެގޮތަށް ޑިކްލެއަރ ނުކޮށް އެތެރެކުރެވިދާނެ އެއްޗެއްކަމަށް ޤަބޫލުކުރެވޭފަދަ ޤާނޫނީ ހަމައެއް ކަޕޫރުﷲ ޔޫސުފަށް ދެއްކިފައިނުވެއެވެ.
ވުމާއެކު، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2016/HC-A/583 ގަޒިއްޔާއިން ސިވިލް ކޯޓުގެ ނަންބަރު 77/Cv-C/2016 ގަޒިއްޔާއަށް ތާއީދުކޮށް، މި މައްސަލައިގައި ޤާނޫނު ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 77/Cv-C/2016 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/583 ގަޒިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް، ކަޕޫރުﷲ ޔޫސުފް އަށް ހުށަހަޅައިދެވިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުއަޒްމިރާލްދާ ޒާހިރުޢަލީ ރަޝީދު ޙުސައިން(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.