ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 26 · 2026/SC-A/07

ޢަބްދުﷲ ޞަބާޙު ވ. ކެނޮޕަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 ޖުލައި 2026ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2019/HC-A/65
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
ލީސް އެއްބަސްވުން މުއްދަތުގެ ކުރިން ނިންމުމުން ކުއްޔަށްދިން ފަރާތުން ތަން އެހެން ފަރާތަކަށް ކުއްޔަށްދިން ނަމަވެސް ނޯޓިސް މުއްދަތުގެ 4 މަހުގެ ކުލި ކުއްޔަށް ހިފި ފަރާތުން ދައްކަންޖެހޭތޯއާއި، އެ ކުލި ނަގައިދިނުމަކީ ނުޙައްޤު މުއްސަނދިކަމެއްތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 އެއްބަސްވުން ނިންމުމަށް ކުއްޔަށް ހިފި ފަރާތުން ނޯޓިސް ދީ، ކުއްޔަށްދިން ފަރާތުން އެ ތާރީޚުގައި އެއްބަސްވުން ނިންމުމަށް އިޢުތިރާޟު ނުކޮށްފިނަމަ، އެ ތާރީޚުގައި އެއްބަސްވުން ނިންމުމަށް ދެފަރާތް އެއްބަސްވެއްޖެއެވެ. މި ޙާލަތުގައި ޢަމަލުކުރަންޖެހެނީ މުއްދަތުގެ ކުރިން އެއްބަސްވުން ނިންމާނަމަ ދޭންޖެހޭ ނޯޓިސާއި ނޯޓިސް މުއްދަތުގެ ކުލި ބަޔާންކުރާ އެއްބަސްވުމުގެ މާއްދާއަށެވެ. އެއީ ދެފަރާތް އެއްބަސްވުމަށް ވަނުއިރު ދެފަރާތަށް އެނގި ފަހުމްވެފައިވާ މާއްދާއެކެވެ.

HN2 އެއްބަސްވުން ނިމުމަށްފަހު ކުއްޔަށްދިން ފަރާތުން އެ ތަން އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކުން، އެއްބަސްވުން ނިންމުމުގައި ކުއްޔަށް ހިފި ފަރާތުގެ މައްޗަށް ވާޖިބުވާ ނޯޓިސް މުއްދަތުގެ ކުލި ދެއްކުމުގެ އިލްތިޒާމުން އޭނާ ބަރީއައެއް ނުވެއެވެ.

HN3 ތަން އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ ކުއްޔަށްދިން ފަރާތަށް އޮތް އިޚްތިޔާރެއް ކަމުން، އެކަމަށް އެ ފަރާތުން އިޢުތިރާފުވުމާއި ނުވުމަކީ މި ބާވަތުގެ މައްސަލައިގެ ނަތީޖާއާ ގުޅުމެއްވާ ކަމެއް ނޫނެވެ.

HN4 ކޮންޓްރެކްޓާބެހޭ ޤާނޫނުން ނުވަތަ އެހެން ޤާނޫނެއްގެ ދަށުން ޙައްލެއް ނުލިބޭ ޙާލަތްތަކުގައި ނުޙައްޤު މުއްސަނދިކަމުގެ އުޞޫލުގެ ދަށުން ޙައްޤުނުވާ މަންފާ ޙައްޤުވެރި ފަރާތަށް ރައްދުކޮށްދިނުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގަނެފައިވާ ހަމައެކެވެ. ނަމަވެސް އެއްބަސްވުން ބާޠިލުކުރާ ޙާލަތުގައި ވަކިގޮތަކަށް ދެފަރާތް އެއްބަސްވެފައިވާއިރު، އެގޮތަށް ޢަމަލުނުކުރުމުގެ އުޒުރަކަށް ނުޙައްޤު މުއްސަނދިކަމުގެ އުޞޫލު ތަޠުބީޤުކުރެވޭނެ ޤާނޫނީ ހަމައެއް ނެތެވެ.

HN5 ހައިކޯޓުގައި ތަޢުނުނުކުރާ ކަމެއް ސުޕްރީމް ކޯޓުގައި ބަލައިގަންނަންޖެހޭ ހުއްދަކުރާ ސަބަބެއް އިސްތިއުނާފުކުރާ ފަރާތުން ދައްކާފައި ނުވާނަމަ އެ ނުކުތާ ބަލައެއް ނުގަނެވޭނެއެވެ. ސުޕްރީމް ކޯޓުން މައްސަލަ ބަލަނީ ހައިކޯޓަށް ހުށަހެޅުނު ކަންކަން އަސާސަކަށް ބަލައިގެންނެވެ.

HN6 ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް ހުށަހަޅާ އިސްތިއުނާފެއްގައި ހައިކޯޓުގެ ޙުކުމް ޤާނޫނާ ޚިލާފުވިކަމަށް ބުނާ ސަބަބެއް، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް އޮންނަންވާނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް، ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޙުސައިން ޝަހީދު، ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ

ޙަމީދު ތާއީދު ކުރައްވާފައި) .....1 ތަޢާރަފް.....1 ސިވިލް ކޯޓުގެ ނިންމުން.....3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން.....6 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު.....8 އިޖުރާއީ ކަންކަން.....10 އިސްތިއުނާފީ ނުކުތާއާމެދު ދެކޭ ގޮތް.....11

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު .....14

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު .....14

ޙުކުމް .....14 بِسْدَالْرَحْمَىٰ ޢަބްދުﷲ ޞަބާޙު ވ. ކެނޮޕަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް [2026] SC 26

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޙުސައިން ޝަހީދު އަދި ފަނޑިޔާރު ޢަބްދުﷲ

ޙަމީދު ތާއީދު ކުރައްވާފައި) ތަޢާރަފް

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/65 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި، ސ. ހުޅުދޫ، […] ޢަބްދުﷲ ޞަބާޙު¹ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2026/SC-A/07 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެވެ.

2މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ކެނޮޕަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ކެނޮޕަސް މޯލްޑިވްސް" ކަމަށް ބުނެފައިވާ) ގެ މައްޗަށެވެ.

3މި އެއްބަސްވުމުގެ މުއްދަތަކީ 01 ޖަނަވަރީ 2017 އިން 31 ޑިސެންބަރު 2022 އަށެވެ. ކުއްޔަކީ ކޮންމެ މީލާދީ މަހަކު 110,000.00ރ. (އެއްލައްކަ ދިހަހާސް ރުފިޔާ) އެވެ.

4އެއްބަސްވުމަށް ޢަމަލުކުރަން ފެށިތާ ތިންމަސް ފަހުން، 31 މޭ 2017 އިން ފެށިގެން އެއްބަސްވުން ނިމުމަކަށް ގެންނަން ބޭނުންވާކަން 29 އެޕްރީލް 2017 ގައި ޢަބްދުﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސް މޯލްޑިވްސްއަށް އެންގިއެވެ.

5މި ނޯޓިސްގެ ޖަވާބުގައި އެއްބަސްވުން ނިމުމަކަށް ގެންނަނަމަ، އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (C) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން 04 މަސް ދުވަހުގެ ކުލި ޢަބްދުﷲ ޞަބާޙު ދައްކަންވާނެ ކަމަށް ބަޔާންކޮށް ކެނޮޕަސް މޯލްޑިވްސް އިން 29 އެޕްރީލް 2017 ގައި ޖަވާބު ދިނެވެ. މި ޝަރުޠާއެކު 31 މޭ 2017 އިން ފެށިގެން އެއްބަސްވުން ނިމުމަކަށް ގެންނަން އިއުތިރާޟް ނުކުރާ ކަމަށް ބަޔާންކޮށް ކެނޮޕަސް މޯލްޑިވްސް އިން ޢަބްދުﷲ ޞަބާޙަށް ޖަވާބުދީފައިވާކަން އެނގެން އޮވެއެވެ.

6އެއްބަސްވުމުގެ 3 ވަނަ މާއްދާގެ (C) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަންނަނިވި ކަންކަމަށް ޢަބްދުﷲ ޞަބާޙު އާއި ކެނޮޕަސް މޯލްޑިވްސް އިން އެއްބަސްވެފައިވާކަން އެނގެއެވެ.

(ހ) ކުއްޔަށް ހިފާ ފަރާތުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ހިފި ފަރާތުން އެއްބަސްވުން އުވާލުމަށް ނުވަތަ ނިމުމަކަށް ގެނައުމަށް ގަސްތުކުރާނަމަ 04 (ހަތަރެއް) މަހުގެ ނޯޓިސްއެއް ލިޔުމުން ދޭންވާނެކަން،

(ށ) އެ ހަތަރު މަހުގެ ކުލި ކުއްޔަށް ހިފި ފަރާތުން ކުއްޔަށްދޭ ފަރާތަށް ދައްކަން ޖެހޭނެކަން، އަދި

(ނ) ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ ފައިސާ އަނބުރާ ކުއްޔަށް ހިފި ފަރާތަށް ރައްދުކުރަން ޖެހޭނީ ތަނަށް ލިބިފައިވާ ގެއްލުން ބަލާ ޗެކުކޮށް އެކަމަށް އުނިކުރަންޖެހޭ ފައިސާއެއް އުނިކުރުމަށްފަހުގައި ކަން.

7މި ބުނެވުނު ގޮތަށް އެއްބަސްވުން ނިމުމަކަށް ގެންނަ ހިނދު 2017 ގެ މޭ، ޖޫން، ޖުލައި އަދި އޮގަސްޓު މަހުގެ ކުލި ޢަބްދުﷲ ޞަބާޙު ކެނޮޕަސް މޯލްޑިވްސްއަށް ދައްކަން ޖެހެއެވެ. އަދި މި ގޮތުގެމަތިން ޢަމަލުކުރުމަށް ކެނޮޕަސް މޯލްޑިވްސް އިން ޢަބްދުﷲ ޞަބާޙުއަށް އެންގި ނަމަވެސް މި ގޮތުގެމަތިން އޭނާ ކުލި ދައްކާފައި ނުވެއެވެ.

8މިއަށްފަހު، 01 ޖޫން 2017 ގައި ތަނުގެ ތަޅުދަނޑި ޢަބްދުﷲ ޞަބާޙު ކެނޮޕަސް މޯލްޑިވްސް އާ ޙަވާލުކުރިއެވެ.

9މި ދެންނެވި ގޮތަށް ކަންހިނގާފައިވާތީވެ، ކެނޮޕަސް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓުގައި ޢަބްދުﷲ ޞަބާޙުގެ މައްޗަށް ދަޢުވާކުރިއެވެ.

ސިވިލް ކޯޓުގެ ނިންމުން

10ކެނޮޕަސް މޯލްޑިވްސްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 3081/Cv-C/2017 ޤަޟިއްޔާ އިންނެވެ.

11ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ، ދެފަރާތުގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން ކުލީގެ ގޮތުގައި ކެނޮޕަސް މޯލްޑިވްސްއަށް ލިބެންޖެހޭ 440,000ރ. (ހަތަރުލައްކަ ސާޅީސްހާސް ރުފިޔާ) އާއި 2017 މޭ މަހުގެ ކުލި ނުދެއްކުމުގެ ސަބަބުން 2017 މޭ މަހުގެ ޖޫރިމަނާގެ ގޮތުގައި 10,500ރ. (ދިހަހާސް ފަސްސަތޭކަ ރުފިޔާ) އާއި މި ފައިސާ ހޯދުމަށް ކުރަންޖެހުނު ޤާނޫނީ މަސައްކަތަށް ހޭދަވި 26,500ރ. (ސައްބީސް ހާސް ފަސްސަތޭކަ ރުފިޔާ) އާއި ކޯޓު ފީގެ ގޮތުގައި ދައްކާފައިވާ 25ރ. (ފަންސަވީސް ރުފިޔާ) އާއި ޔުޓިލިޓީ ބިލްތަކަށްވާ 44,363.70ރ. (ސާޅީސް ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ހަތްދިހަ ލާރި) އާއެކު ޖުމްލަ 521,388.70ރ. (ފަސްލައްކަ އެކާވީސްހާސް ތިންސަތޭކަ އަށްޑިހަ އަށް ރުފިޔާ ހަތްދިހަ ލާރި) ގެ ތެރެއިން، ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ކެނޮޕަސް މޯލްޑިވްސްއަށް ދައްކާފައިވާ 110,000ރ. (އެއްލައްކަ ދިހަހާސް ރުފިޔާ) އުނިކުރުމުންވާ 411,388.70ރ. (ހަތަރުލައްކަ އެގާރަހާސް ތިންސަތޭކަ އަށްޑިހަ އަށް ރުފިޔާ ހަތްދިހަ ލާރި) އަކީ ޢަބްދުﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސް މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާކަން ސާބިތުވާ ކަމުގައެވެ.

12ސިވިލް ކޯޓުގެ ނިންމުން މިގޮތަށް ބިނާކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

(ހ) ކެނޮޕަސް މޯލްޑިވްސް އާއި ޢަބްދުﷲ ޞަބާޙު އާދެމެދު 10 ޑިސެންބަރު 2016 ގައި ވެފައިވާ އެއްބަސްވުމުގެ ދަށުން […] ގްރައުންޑް ފްލޯރ އާއި ފުރަތަމަ ފްލޯރ ކުއްޔަށްދިނުމަށް އެއްބަސްވެފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާ އާއި ޤާނޫނީ ވަކީލު ފީ އާއި އަދި ކޯޓު ފީ ހޯދުމަށް ކެނޮޕަސް މޯލްޑިވްސް އިން ޢަބްދުﷲ ޞަބާޙުގެ މައްޗަށް ދަޢުވާކޮށްފައިވާކަން.

(ށ) އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާޠިލު ކުރާނަމަ، ޢަބްދުﷲ ޞަބާޙުގެ ފަރާތުން 04 (ހަތަރެއް) މަހުގެ ނޯޓިސްއެއް ކެނޮޕަސް މޯލްޑިސްއަށް ދޭން ޖޭހެކަމާއި، މި ނޯޓިސް އާއެކު އެއްބަސްވުން ބާޠިލުކުރުމަށް ކެނޮޕަސް މޯލްޑިވްސް އިއުތިރާޟު ނުކުރާކަން އެނގެން އޮންނަހިނދު، ނޯޓިސްގެ މުއްދަތަށް ކެނޮޕަސް މޯލްޑިވްސް އިން ކުލި ހޯދުމަށް އެދިފައިވާ ހިނދު، ކަނޑައެޅިފައިވާ ކުއްޔަކީ ކޮންމެ މީލާދީ މަހަކު 110,000ރ. (އެއްލައްކަ ދިހަހާސް ރުފިޔާ) ކަމަށްވެފައި މި ނިސްބަތުން 04 (ހަތަރެއް) މަހުގެ ކުއްޔަށްވާ 440,000ރ. (ހަތަރުލައްކަ ސާޅީސްހާސް ރުފިޔާ) އަކީ ޢަބްދުﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސް މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާއެއްކަން ޝަރީޢަތަށް އެނގެން އޮންނަކަން.

(ނ) ދަޢުވާއެއްގައި އެއް ޚަސްމު އަނެއް ޚަސްމާ ކުރިމަތި ކުރާ "ދަފްޢު" ސާބިތުކުރުމުގެ މަސްޢޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢެއް ކުރާ ފަރާތްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮތްހިނދު ކެނޮޕަސް މޯލްޑިވްސްގެ ފަރާތުން އެހެން ފަރާތަކަށް އެއްބަސްވުމުގެ ނޯޓިސް ދޭން ޖެހޭ މުއްދަތުގެ ތެރޭގައި ތަން ކުއްޔަށް ދިންކަމާމެދު އިންކާރުކުރާ ޙާލު މިކަން ޝަރީޢަތަށް ސާބިތުކޮށްދިނުމަކީ ޢަބްދުﷲ ޞަބާޙުގެ ޒިންމާއެއް ކަމާއި އެހެންނަމަވެސް މިކަން ޝަރީޢަތަށް ސާބިތުކުރުމަށް އެއްވެސް ލިޔެކިޔުމެއް ނުވަތަ ހެއްކެއްވެސް ޢަބްދުﷲ ޞަބާޙުގެ ފަރާތުން ހުށަހަޅާފައިނުވާކަން އެނގެން އޮންނަކަން.

(ރ) އެއްބަސްވުމުގައިވާ ގޮތުން ކޮންމެ މަހަކުވެސް އެ މަހެއްގެ ކުލި ދައްކަންޖެހޭނީ 10 ވަނަ ދުވަހުގެ ކުރިންކަމަށާއި، 10 ވަނަ ދުވަހުގެ ކުރިން ކުލި ނުދެއްކިއްޖެނަމަ ޖޫރިމަނާގެ ގޮތުގައި 500ރ. (ފަސްސަތޭކަ ރުފިޔާ) ގެ މަގުން ޖޫރިމަނާވަމުން ދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާތީ، ޖޫރިމަނާ ހިނގަން ފަށާނީ މަހުގެ 10 ވަނަ ދުވަހުގެ ފަހުން ކަމަށްވާއިރު، 2017 މޭ މަހުގެ ކުލި ދައްކާފައިނުވާތީވެ ޢަބްދުﷲ ޞަބާޙުގެ ފަރާތުން ޖޫރިމަނާގެ ގޮތުގައި 21 (އެކާވީސް) ދުވަހަށް ޖޫރިމަނާ ގެ ގޮތުގައި ދުވަލާކަށް 500ރ. (ފަސްސަތޭކަ ރުފިޔާ) ގެ މަގުން 10,500ރ. (ދިހަހާސް ފަސްސަތޭކަ ރުފިޔާ) ކަން އެނގެން އޮންނަކަމާއި، 31 މޭ 2017 އަށްފަހު ޢަބްދުﷲ ޞަބާޙު ތަން ބޭނުން ނުކުރާކަން އެނގެން އޮންނަ އޮތުމުން އެ މުއްދަތަށްފަހު، ޖޫރިމަނާ ނުހިނގާނެކަން ޝަރީޢަތަށް އެނގެން އޮންނަކަން.

(ބ) ކެނޮޕަސް މޯލްޑިވްސްގެ ފަރާތުން 11 ޖޫން 2017 ގައި ފޮނުވާފައިވާ "ޑިމާންޑް ފޯރާ ޕޭމަންޓް" ސިޓީގައި ނުދައްކާވާ ޔުޓިލިޓީ ބިލުތަކަށް 44,363.70ރ. (ސާޅީސް ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިން ރުފިޔާ ހަތްދިހަ ލާރި) އަރާފައިވާކަމާއި، އަދި 04 (ހަތަރެއް) މަހުގެ ކުއްޔަށް 440,000ރ. (ހަތަރުލައްކަ ސާޅީސްހާސް ރުފިޔާ) ވާއިރު، ތަނަށް ލިބިފައިވާ ގެއްލުން ސާބިތުކޮށް ދިނުމަށް އެއްވެސް ލިޔުމެއް އަދި ހެއްކެއްވެސް ޝަރީޢަތަށް ހުށަހަޅާފައިނުވާކަން އެނގެން އޮންނަކަމާއި އަދި މި ކަންކަމަށް ޢަބްދުﷲ ޞަބާޙުގެ ފަރާތުން އިންކާރުނުކުރާ ކަމާއި، ޢަބްދުﷲ ޞަބާޙުގެ ފަރާތުން ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި ދައްކާފައިވާ 110,000ރ. (އެއްލައްކަ ދިހަހާސް ރުފިޔާ) ބުނެވިދިޔަ ޚަރަދުތަކުން އުނިކުރަންޖެހޭކަން އެނގެން އޮންނަކަން.

(ޅ) އެއް ޚަސްމު އަނެއް ޚަސްމުގެ ކިބައިން ޝަރީޢަތް މެދުވެރިކޮށް ވަކީލު ފީ ނަގައިދިނުމަށް އެދޭ ޙާލަތުގައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2009/HC-A/348 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/89 ޤަޟިއްޔ އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-A/47 ޤަޞިއްޔާގައި އެކަށައަޅާފައިވާ ޝަރުޠުތައް ފުރިހަމަވާންޖެހޭނެކަން އެނގޭހިނދު، އެ ކަންކަން ފުރިހަމަވެފައިވާކަން ޝަރީޢަތަށް އެނގެން އޮންނާތީ، ޤާނޫނީ ވަކީލު ފީގެ ގޮތުގައި ކެނޮޕަސް މޯލްޑިވްސް އިން ނަގައިދިނުމަށް އެދިފައިވާ 26,500ރ. (ސައްބީސްހާސް ފަސްސަތޭކަ ރުފިޔާ) އަކީ ޢަބްދުﷲ ޞަބާޙުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން އެނގެން އޮންނަކަން.

(ކ) ކެނޮޕަސް މޯލްޑިވްސް އިން ދަޢުވާ ކޯޓުގައި ރަޖިސްޓްރީ ކުރުމަށް ޚަރަދުކުރި 25ރ. (ފަންސަވީސް ރުފިޔާ) އަކީ ޢަބްދުﷲ ޞަބާޙުގެ ފަރާތުން އަދާކުރަންޖެހޭ އިލްތިޒާމްތައް އަދާނުކުރުމުގެ ސަބަބުން ކެނޮޕަސް މޯލްޑިވްސް އިން ކުރަންޖެހުނު ޚަރަދެއްކަން އެނގެން އޮންނާތީވެ، އެ ޚަރަދަކީ ކޮންޓްރެކްޓާބެހޭ ޤާނުނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން ޢަބްދުﷲ ޞަބާޙުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން އެނގެން އޮންނަކަން.

13ސިވިލް ކޯޓުގެ މި ޤަޟިއްޔާ ޢަބްދުﷲ ޞަބާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

14ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2019/HC-A/65 ޤަޟިއްޔާ އިންނެވެ.

15މި ޤަޞިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ޢަބްދުﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސް މޯލްޑިވްސްއަށް ދައްކަންޖެހޭ ޖުމްލަ ޢަދަދުކަމުގައި ކަނޑައަޅާފައިވާ 411,388.70ރ. (ހަތަރުލައްކަ އެގާރަހާސް ތިންސަތޭކަ އަށްޑިހައަށެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) އިން، ޔުޓިލިޓީ ބިލުތަކަށްވާ 44,363.70ރ. (ސާޅީސް ހަތަރުހާސް ތިންސަތޭކަ ފަސްގޮޅީސް ތިންސަތޭކަ ފަސްގޮޅީސް ތިންސަތޭކަ ދިވެހިރާއްޖޭގެ ދިވެހި ރުފިޔާ ހަތްދިހަ ލާރި) އުނިކުރަންޖެހޭކަމަށް ކަނޑައަޅައި، ސިވިލް ކޯޓުގެ ނިންމުމުގެ އެ ބައި އިޞްލާޙުކޮށް، އެ ނިންމުމުގައި ދެންހުރި ބައިތައް ދަމަހައްޓައެވެ.

16ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބުނެވުނު ނިންމުން ބިނާކޮށްފައިވާ ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.

16.1. ސިވިލް ކޯޓުގެ ނިންމުމުގައި ޔުޓިލިޓީ ބިލަށް ދައްކަންޖެހޭ ފައިސާގެ ގޮތުގައި ކަނޑައަޅާފައިވާ 44,363.70ރ. (ސާޅީސް ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) އަކީ ކެނޮޕަސް މޯލްޑިވްސް އިން ކުރި ދަޢުވާގައިވާ ޢަދަދެއް ކަމަށް ޤާނޫނީ ހަމަތަކުން ބެލެން ނެތަތީ އާއި، އެ ފައިސާ ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޙްމަދު ޝަމީމް ވ. މުޙައްމަދު ވަޙީދު މައްސަލައިގައި ބަޔާންކޮށްފައިވާ އުޞޫލާ ޚިލާފަށް ކަމުގައިވާތީ، ސިވިލް ކޯޓުގެ ޤަޟިއްޔާއިން ޢަބްދުﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސްއަށް ދައްކަންޖެހޭ ޖުމްލަ ފައިސާގެ ޢަދަދުން ޔުޓިލިޓީ ބިލުތަކަށް ޢަބްދުﷲ ޞަބާޙު ކެނޮޕަސް މޯލްޑިވްސްއަށް ދައްކާފައިވާ 44,363.70ރ. (ސާޅީސް ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) އުނިކޮށް، އެ ނިންމުމުން އެ މިންވަރު އިޞްލާޙު ކުރަންޖެހޭކަން.

16.2 އަދި ޢަބްދުﷲ ޞަބާޙުގެ ފަރާތުން ކެނޮޕަސް މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާގެ ޖުމްލަ ޢަދަދަކީ 367,025.00ރ. (ތިން ލައްކަ ފަސްދޮޅަސް ހަތްހާސް ފަންސަވީސް ދިވެހި ރުފިޔާ) ކަން.

17އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޢަބްދުﷲ ޞަބާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

18ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/65 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ޢަބްދުﷲ ޞަބާޙުގެ ފަރާތުން ފާހަގަކޮށްފައިވަނީ އެންމެ ނުކުތާއެކެވެ.

19މި ނުކުތާގައި ބަޔާންކޮށްފައިވަނީ ދިމިޤްރާތީ މުޖުތަމަޢުތަކުގެ ޖޫރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިސްލާމީ ޝަރީޢަތުގެ އަސްލަކާ ނުވާ ސާބިތުކުރުމުގެ ޤާނޫނީ ޢާންމު މަބްދައުތަކަށްވެސް ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ރިޢާޔަތްކުރަންވާނެކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 10 ވަނަ މާއްދާގެ (ހ) އާއި 42 ވަނަ މާއްދާގެ (ހ) އާއި 68 ވަނަ މާއްދާގެ މަފްހޫމަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި އިސްތިއުނާފު ރައްދުވާ ފަރާތުން ކުއްޔަށްދިން ތަން އެހެން ފަރާތަކަށް ކުއްޔަށް ދިންކަމަށް އިޢުތިރާފުވެފައިވިނަމަވެސް، އެކަން ސާބިތުވާ ހެއްކެއް އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިނުވާތީ އެސަބަބަށްޓަކައި އެ ނުކުތާ ސާބިތުނުވާކަމަށް ނިންމަވާފައިއޮތުމުން ޝަރީޢަތުގެ ކުރިމަތީގައި ކަންކަން ސާބިތުކުރަން ބޭނުންކުރެވޭ ގޮތްތަކުގެ ތެރެއިން މުހިންމު އެއް ވަސީލަތެއްކަމަށްވާ އިޤުރާރާއި އިޢުތިރާފުން ކަންކަން ސާބިތުވުމުގެ ޝަރުޢީ އުޞޫލާއި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ސާބިތުކުރުމުގެ ޢާންމު މަފްހޫމާ ޚިލާފަށްކަމަށް ބެލެވެން އޮތުމާއި މިގޮތަށް މައްސަލަ ނިމުމުން އިސްތިއުނާފު ރައްދުވާ ފަރާތަށް ނުޙައްޤު މަންފާއެއް (unjust enrichment) ލިބިފައިވާކަން ފެންނަން އޮތުން ކަމުގައެވެ.

20އިސްތިއުނާފީ ނުކުތާގެ ތަފްސީލުގައި ޢަބްދުﷲ ޞަބާޙުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ކުއްޔަށް ދިން ތަނުގެ ތަޅުދަނޑި ކުއްޔަށް ހިފި ފަރާތުން ކުއްޔަށްދިން ފަރާތަށް އަނބުރާ ހަވާލުކުރުމުން އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިނުމަށްފަހު އެ މުއްދަތުގެ ކުލި އިސްތިއުނާފު ކުރާ ފަރާތުގެ އަތުން ހޯދަން ދަޢުވާކުރުމާއި، އެ ފައިސާ ޝަރީޢަތުން ނަގައިދީފައިވުމާއި، ތަޅުދަނޑި ހަވާލުކުރުމުން އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިންކަމަށް ބުނާބުނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓުގައި އިންކާރު ކޮށްފައިނުވާކަމަށާއި، އަދި އެ ސުވާލު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި އިސްތިއުނާފު ރައްދުވާ ފަރާތާ ކުރިމަތިކުރުމުން އެކަމަށް ސަރީޙަ ޢިބާރާތުން އިޢުތިރާފުވެ ކުއްޔަށްދިން ކަމަށް ބުނެފައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުން ކުރެއްވި ސުވާލުގެ ޖަވާބުގައި ލިބުނު މި އިޢުތިރާފަށް އެ ކޯޓުން ރިޢާޔަތް ނުކުރެއްވި ސަބަބެއްވެސް ބަޔާންކޮށްފައި ނުވާކަމަށެވެ.

21ޢަބްދުﷲ ޞަބާޙުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާ އާ ގުޅިގެން ކެނޮޕަސް މޯލްޑިވްސް އިން ބުނެފައިވަނީ، ނޯޓިހުގެ މުއްދަތުގެ ކުއްޔަކީ އެއްބަސްވުން އުވުމުގެ ކުރިން އުފަންވެފައިވާ އިލްތިޒާމަކަށްވާއިރު، ނޯޓިސްދޭންޖެހޭ ހަތަރު މަހަށް ޢަބްދުﷲ ޞަބާޙުގެ ކިބައިން ކުލި ހޯދުން ހުއްދަނުވަނީ، އެ މަސްތަކުގައި އެހެން ތިންވަނަ ފަރާތަކަށް ތަން ކުއްޔަށް ދީފައިވާތީ ކަމަށް ޢަބްދުﷲ ޞަބާޙު ބުނާނަމަ، އެ މުޅި މުއްދަތަށް ކުއްޔަށް ދީފައިވާ ކަމާއި، އެ މުޅި މުއްދަތަށް ކެނޮޕަސް މޯލްޑިވްސްއަށް ކުލި ލިބިފައިވާ ކަމާއި، އެ ކުއްޔަކީ ޢަބްދުﷲ ޞަބާޙު ދައްކަމުންދިޔަ މިންވަރުގެ ނުވަތަ އެއަށްވުރެ އިތުރު މިންވަރެއްގެ ކުލިކަން ސާބިތުކޮށް ދިނުމުގެ ޒިންމާއަކީ ޢަބްދުﷲ ޞަބާޙުގެ ކިބައިގައި އޮންނާނެ ޒިންމާއަކަށްވާއިރު، އެއްބަސްވުން ނިމުމަކަށް ގެނައުމަށް ނޯޓިސް ދޭންޖެހޭ ހަތަރު މަސްދުވަހުގެ މުއްދަތަށް ތަން ކުއްޔަށް ދެވިފައިވާ ކަމަށް ބަޔާންކުރާ އިޢުތިރާފެއް ނެތްއިރު އެކަން އޮތީ އެ ގޮތުގެމަތީން ކަމަށް ބުނެ ހުށަހަޅާފައިވާ އިސްތިއުނާފަކީ ދެކޮޅުޖެހޭ އިސްތިއުނާފެއް ނޫން ކަމުގައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް އެ ގޮތުގެމަތިން ދަމަހައްޓައި ދިނުމަށެވެ.

އިޖުރާއީ ކަންކަން

22ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލައަށް މައުޟޫޢީ ގޮތުން ޖަވާބުދާރީވުމުގެ ކުރިން، މަދަނީ އިޖުރާއަތުގެ ޤާނޫނު އާ ޙަވާލާދީ، "އިސްތިއުނާފު މައްސަލައާ ގުޅިގެން ފިޔަވަޅު އަޅައިދިނުމަށް އެދޭ ފޯމު" މެދުވެރިކޮށް ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ބާޠިލުކޮށް ދިނުމަށް އެދި ކެނޮޕަސް މޯލްޑިވްސްގެ ފަރާތުން ހުށަހެޅުމެއް ހުށަހަޅާފައި ވެއެވެ.

23މި އިޖުރާއީ އިއުތިރާޟާ ގުޅިގެން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރުމަށް އިސްތިއުނާފު ކުރާ ފަރާތަށް ފުރުޞަތު ދިނުމަށްފަހު، އެ ފަރާތުން ފާހަގަކުރި ކަންކަމަށާއި މި މައްސަލައިގެ އިސްތިއުނާފުގައި ހުށަހެޅިފައިވާ ކަންކަމަށް ބަލާއިރު މި މައްސަލައިގައި މައުޟޫޢީ ގޮތުން ބަލައި އަޑުއަހައި ދެނެގަންނަންޖެހޭ ކަންކަން ހުރިކަމަށް ބުރަވެވޭތީވެ، މި މައްސަލަ މައުޟޫޢީ ގޮތުން ކުރިއަށް ގެންދިއުމަށް ނިންމުނެވެ.

24ޢަބްދުﷲ ޞަބާޙުގެ ފަރާތުން މި އިސްތިއުނާފުގައި ވަގުތީ އަމުރަށް އެދޭ ފޯމެއް ހުށަހެޅިއެވެ. މި ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ މި މައްސަލައިގައި ދަށުކޯޓުން ޢަބްދުﷲ ޞަބާޙުގެ މައްޗަށް ސާބިތުވެ ސިވިލް ކޯޓަށް ޖަމާކުރެވިފައިވާ ފައިސާ ކެނޮޕަސް މޯލްޑިސްއަށް ދޫނުކުރަމަށާއި އަދި މި ރައުޔުގެ 15 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ 44,363.70ރ. (ސާޅީސް ހަތަރުހާސް ތިންސަތޭކަ ފަސްދޮޅަސް ތިނެއް ދިވެހި ރުފިޔާ ހަތްދިހަ ލާރި) ގެ ޔުޓިލިޓީ ފައިސާއަކީ އަނބުރާ ޢަބްދުﷲ ޞަބާޙުއަށް ލިބެންޖެހޭ ފައިސާއެއް ކަމުގައިވާތީވެ އެ ފައިސާ ޢަބްދުﷲ ޞަބާޙުގެ އެކައުންޓަށް ޖަމާކޮށްދިނުމަށް ސިވިލް ކޯޓަށް އަމުރުކޮށްދިނުމަށެވެ. މި ދެންނެވި ޔުޓިލިޓީ ފައިސާ ޢަބްދުﷲ ޞަބާޙަށް މިހާރު ލިބިފައިވާކަމަށް ޝަރީޢަތުގެ މަޖިލީހުގައި އޭނާގެ ފަރާތުން ބަޔާންކޮށް މި ބުނެވުނު ފޯމުގައި ބަޔާންކޮށްފައިވާ ކަންކަމާގުޅޭ ގޮތުން، އިތުރަށް ކުރިއަށްދާން ބޭނުންނުވާކަމަށް ޢަބްދުﷲ ޞަބާޙުގެ ފަރާތުން ބުނެފައިވާތީވެ، ޢަބްދުﷲ ޞަބާޙު ހުށަހެޅި ވަގުތީ އަމުރުގެ ފޯމަށް ގޮތެއް ކަނޑައަޅާފައި ނުވެއެވެ.

އިސްތިއުނާފީ ނުކުތާއާމެދު ދެކޭ ގޮތް

25މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޢަބްދުﷲ ޞަބާޙު އަކީ ކުއްޔަށް ހިފި ފަރާތެވެ. އަދި ކެނޮޕަސް މޯލްޑިސް އަކީ ކުއްޔަށް ދިން ފަރާތެވެ. ޢަބްދުﷲ ޞަބާޙު ބަޔާންކުރާ ކަމަކީ ކުއްޔަށް ހިފާފައިވާ ތަން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ދޫކޮށްލައި، އެއްބަސްވުން ނިމުމަކަށް ގެނެސް ތަނުގެ ތަޅުދަނޑި ކެނޮޕަސް މޯލްޑިސްއަށް ޙަވާލުކުރުމަށްފަހު، އެ ފަރާތުން އެހެން ފަރާތަކަށް އެތަން ކުއްޔަށް ދީފައިވާކަމަށް އިޢުތިރާފުވެފައިވާތީވެ، އެއްބަސްވުމުގެ ދަށުން ލާޒިމުކުރާ 04މަސްދުވަހުގެ ނޯޓިސް މުއްދަތުގެ ކުލި ލިބިދިނުމަކީ ކެނޮޕަސް މޯލްޑިވްސްއަށް ލިބޭ ނުޙައްޤު މުއްސަނދިކަމެއް ކަމަށް ދެކޭކަމަށެވެ.

26HN1ޢަބްދުﷲ ޞަބާޙު ތަން ދޫކޮށްލަން ބޭނުންވާ ކަމަށް އަންގާފައިވަނީ 29 އެޕްރީލް 2017 ގައެވެ. އަދި ތަން ދޫކޮށްލަން ގަސްތުކުރާ ދުވަހަކީ 31 މޭ 2017 ގައި ކަން ބަޔާންކޮށްފައި ވެއެވެ. އަދި މި ތާރީޚުގައި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ކެނޮޕަސް މޯލްޑިވްސް އިން އިއުތިރާޟުކޮށްފައި ނުވެއެވެ. އެހެންކަމުން، 31 މޭ 2017 ގައި އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެފަރާތުން އެއްބަސްވިއެވެ.

27މި ޙާލަތުގައި ޢަމަލު ކުރަންޖެހެނީ އެއްބަސްވުމުގެ 4 ވަނަ މާއްދާގެ (C) އަށެވެ. މި މާއްދާގެ ދަށުން އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން އެއްބަސްވުން ބާޠިލުކުރާނަމަ، 04 މަސް ދުވަހުގެ ނޯޓިސް ލިޔުމުން ކުއްޔަށް ހިފާ، ޢަބްދުﷲ ޞަބާޙު ކުއްޔަށް ދިން ފަރާތް، ކެނޮޕަސް މޯލްޑިވްސްއަށް އަންގަންވާނެ ކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި މި 04 މަހުގެ ކުލި ޢަބްދުﷲ ޞަބާޙު ކެނޮޕަސް މޯލްޑިވްސްއަށް ދައްކަން ޖެހޭނެކަމަށް ބަޔާންކޮށްފައި އޮވެއެވެ. އަދި މި ކުލި ހޯދުމަށް ވަނީ ކެނޮޕަސް މޯލްޑިސް އިން އެދިފައެވެ. މި މާއްދާ އަކީ، ދެފަރާތް މި އެއްބަސްވުމަށް ވަތްއިރު ދެފަރާތަށް އެނގި ފަހުމުވެފައިވާ މާއްދާ އެކެވެ.

28އެއަށްފަހު 31 މޭ 2017 އަކީ އެއްބަސްވުން ނިމުމަކަށް ގެނައުމަށް ދެފަރާތުން އެއްބަސްވެފައިވާ އޮތް ތާރީޚުކަމަށް ވެފައި، މި ތާރީޚުގައި އެއްބަސްވުން ނިމުމަކަށް އައިސްފައިވާކަން އެނގެއެވެ. މިއާއެކު 01 ޖޫން 2017 ގައި ތަނުގެ ތަޅުދަނޑި ޢަބްދުﷲ ޞަބާޙު ކޮނޮޕަސް މޯލްޑިސް އާ ޙަވާލުކުރިއެވެ.

29HN2އޭގެ ފަހުން ކުއްޔަށް ދޭ ފަރާތުގެ ހައިސިއްޔަތުން ކެނޮޕަސް މޯލްޑިވްސް އިން އެހެން ފަރާތަކަށް އެތަން ކުއްޔަށް ދިނުމަކުން، ޢަބްދުﷲ ޞަބާޙުއަށް ކެނޮޕަސް މޯލްޑިވްސް އާ އެކު ވެވުނު އެއްބަސްވުން ނިމުމަކަށް ގެނައުމުގައި ދެފަރާތުން ވެފައިވާ އިލްތިޒާމުތަކުން އޭނާ ބަރީއައެއް ނުވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުއްޔަށް ހިފާ ފަރާތުގެ ހައިސިއްޔަތުން ޢަބްދުﷲ ޞަބާޙު ކުއްޔަށް ދޭ ފަރާތް، ކެނޮޕަސް މޯލްޑިވްސްއަށް ދޭންޖެހޭ 04 މަހުގެ ނޯޓިސް މުއްދަތުގެ ކުލި ދެއްކުމުގެ އިލްތިޒާމު އޭނާގެ މައްޗަށް ދެމި އޮންނާނެއެވެ.

30HN3މިހެން މިކަން އޮންނަހިނދު، ކެނޮޕަސް މޯލްޑިވްސް އިން މި ބުނެވުނު ތަން އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާކަމަށް އެ ފަރާތުން އިޢުތިރާފުވުމާއި ނުވުމަކީ މި މައްސަލައިގެ ނަތީޖާ އާ ގުޅުމެއްވާ ކަންކަމެއް ނޫނެވެ. އަދި ކުއްޔަށް ދިނުމަކީ ކެނޮޕަސް މޯލްޑިވްސްއަށް އޮތް އިޚްތިޔާރެކެވެ. އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކުން ނުޙައްޤު މުއްސަނދިކަމެއް ކެނޮޕަސް މޯލްޑިވްސްއަށް ލިބިދެވޭ ހަމައެއް މި އިސްތިއުނާފުގެ ތެރެއިން ހުށަހެޅިފައިވާ ކަންކަމުން އެނގެން ނެތެވެ.

31HN4HN5ކޮންޓްރެކްޓާބެހޭ ޤާނޫނުން ވިޔަސް ނުވަތަ އެ ނޫން އެހެން ޤާނޫނެއްގެ ދަށުން ވިޔަސް ޙައްލެއް ނުލިބޭ ޙާލަތްތަކުގައި ނުޙައްޤު މުއްސަނދިކަމުގެ އުޞޫލުގެ ދަށުން އެއް ފަރާތުން ޙައްޤުނުވާ މަންފާގެ ޙައްޤުވެރި ފަރާތަށް އަނބުރާ ރައްދު ކޮށްދިނުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުން ބަލައިގަނެފައިވާ ހަމައެކެވެ. ނަމަވެސް މި މައްސަލައަށް ބަލައިފިނަމަ، ދެފަރާތުން އެއްބަސްވުން ބާޠިލުކުރެވޭ ޙާލަތުގައި ވަކިގޮތަކަށް ދެފަރާތުން އެއްބަސްވެފައި އޮވެމެ، އެ ގޮތުގެމަތިން ޢަމަލު ނުކުރުމަށް އުޒުރަކަށް ނުޙައްޤު މުއްސަނދިކަމުގެ އުޞޫލު ތަޠުބީޤު ކުރެވިދާނެ ޤާނުނީ ހަމައެއް ނެތެވެ. އަދި ނުޙައްޤު މުއްސަނދިކަމުގެ މި ހަމަ ނުކުތާއެއްގެ ގޮތުގައި ޢަބްދުﷲ ޞަބާޙުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ތައުނުކޮށްފައިވާ ކަން އެނގެން ނެތެވެ. މި ސަބަބު މިހެން އޮތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގައި ތައުނުނުކުރާ ކަމެއް މި އިސްތިއުނާފުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލައިގަންނަން ޖެހޭ ހުއްދަކުރާ ސަބަބެއް ކަނޑައެޅިފައިވާ ހަމަތަކުގެ މަތިން އިސްތިއުނާފު ކުރާ ފަރާތުން ތިލަކޮށް ދެވިފައި ނުވެއެވެ.

32HN6ކަންމިހެން އޮތްއިރު، ދިވެހިރާއްޖޭގެ ކޯޓުތަކާބެހޭ ޤާނުނު ގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހެޅޭ މައްސަލައެއްގައި އެ މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ޤާނުނާ ޚިލާފުވިކަމަށް ބުނާ ސަބަބެއް އޮތުން ނުވަތަ ޤާނުނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް އޮންނަން ވާނެ ކަމަށް ބަޔާންކޮށްފައި ވާހިނދު، މި އިސްތިއުނާފުގައި އެފަދަ ކަމެއް އަހުރެންގެ ކުރިމައްޗަށް ހުށަހެޅިފައި ނުވެއެވެ.

33ނަތީޖާއެއްގެ ގޮތުން، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަމަކަށް ނުދެކެމެވެ.

ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު

34މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

35މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2019/HC-A/65 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަބްދުﷲ ޙަމީދު މުޙައްމަދު އިބްރާހީމް (ރިޔާސަތު) ޙުސައިން ކަމަށީދު

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ
  2. ކުންފުނި ރަޖިސްޓްރީ ނަންބަރު C-0013/2000
  3. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/02 ޤަޟިއްޔާ
  4. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/47 ޤަޟިއްޔާ
  5. ފުޓްނޯޓު 3
  6. އބމ
  7. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 287 ވަނަ މާއްދާގެ (ހ) ގެ (2) ގެ i
  8. ކެނޮޕަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 02 މާރިޗު 2026 ގައި ހުށަހަޅާފައިވާ އިސްތިއުނާފު މައްސަލައާ ގުޅިގެން ފިޔަވަޅު އިސްތިއުނާފު މިނުލުކޮށް އެދޭ ފޯމު
  9. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ "އިތުރު ފިޔަވަޅު އަޅައިދިނުމަށް އެދި ހުށަހެޅި ހުށަހެޅުމާ ގުޅިގެން ނިންމިގޮތް" 08 މާރިޗު 2026
  10. ޢަބްދުﷲ ޞަބާޙުގެ ފަރާތުން 23 އެޕްރީލް 2026 ގައި ހުށަހަޅާފައިވާ ވަގުތީ އަމުރަށް އެދޭ ފޯމު
  11. މުޙައްމަދު ޔާސިރު ވ.އިބްރާޙިމް ޙަސަން SC 02 [2023]
  12. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަ ބަލަނީ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުނު ކަންކަން އަސާސެއްކަމަށް ބަލައިގެން ކަމާއި މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގިނަ މައްސަލަތަކެއްގެ ނިންމުމުން އެނގެއެވެ. މީގެ ތެރޭގައި ފާޠިމަތު މަނިކެ ވ. މަރްޔަމް ފަރުހާދާ ވަޙީދު (ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/32 ޤަޟިއްޔާ)، ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް SC 01 [2021]، އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް SC 05 [2021]، އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް SC 18 [2021]، މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް SC 59 [2021]، ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް SC 75 [2021]، ސަން ޓްރެވަލްސް އެންޑް ޓުއަރޒް ޕްރައިވެޓް ލިމިޓެޑް ވ. ހިލްޓަން އިންޓަރނޭޝަނަލް މެނޭޖް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް SC 77 [2021]، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. މައިނަރ އިންޓަރނޭޝަނަލް (ލަބުއާން) (ލަބުއާން [2022] SC 42 އެވެ.
  13. ޤާނުނު ނަންބަރު 22/2010
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ