އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން (2061/Cv-C/2013) އެއްބަސްވުން ބާޠިލުކުރީ އެއްބަސްވުމާ ޚިލާފަށްކަމަށް ކަނޑައަޅައި 347,267.76 ޑޮލަރުގެ ބަދަލު ދިނުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން ބަދަލު ލިބެންޖެހޭކަމަށް ތާއީދުކޮށް، އަހަރު ހަމަނުވާ ދުވަސްތަކުގެ ބަދަލުގެ ޢަދަދަށް ބަދަލު ގެނައެވެ.
- ވާޤިޢާ
- ރިސޯޓެއްގެ ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރުގައި 5 އަހަރަށް ޚިދުމަތް ދިނުމަށް 2011 ގައި ދެ ކުންފުނީގެ މެދުގައި އެއްބަސްވުމެއް ވެ، ބަދަލު ދީފައި ބާޠިލުކުރެވޭ ޙާލަތާއި، ޚިދުމަތުގެ ފެންވަރު ދަށްވެއްޖެނަމަ 4 މަހުގެ ނޯޓިސްއަކާއެކު ބަދަލު ނުދީ ބާޠިލުކުރެވޭ ޙާލަތު ކަނޑައެޅުނެވެ. އާލާތްތަކާއި މުވައްޒަފުންނާ ބެހޭ ޚިލާފުތައް ރަނގަޅުކުރަން 15 ދުވަހުގެ ނޯޓިސްއެއް ދީ، 2012 އޮކްޓޫބަރ 20 ގައި ރިސޯޓު ކުންފުނިން އެއްބަސްވުން ބާޠިލުކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ދެ ޙާލަތު ފިޔަވައި އެހެން ޙާލަތެއްގައި އެއްބަސްވުން ބާޠިލުކުރެވޭތޯއާއި، ބާޠިލުކުރުމުގެ ސަބަބު ސާބިތުނުކުރެވުމުން ބަދަލު ދޭންޖެހޭތޯއާއި، ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ ޙާލަތްތައް.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ ބާޠިލުކުރުމުގެ ސަބަބުތަކާއި ނޯޓިސްތަކާއި އީ-މެއިލަށް ރިޢާޔަތް ނުކުރި ކަމަށާއި، ދަޢުވާ ފޯމުގައި ނުހިމެނޭ ލިޔެކިޔުންތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ނުލިބުނު ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ބުނީ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ޖައުހަރީ މާއްދާއަކާ ޚިލާފުވުމުން އެކަށީގެންވާ ނޯޓިސްއަކާއެކު އެއްބަސްވުން ބާޠިލުކުރެވިދާނެ ނަމަވެސް، ބާޠިލުކުރުމުގެ ސަބަބު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ރިސޯޓު ކުންފުނިން އެކަން ސާބިތުކޮށްދެވިފައި ނުވާތީ، ސަބަބެއް ނެތި ބާޠިލުކުރުމުގެ ޙާލަތުގައި ބަދަލު ދޭންޖެހެއެވެ. ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ބިންތަކެއް އިސްތިއުނާފުގައި ބަޔާންކޮށްފައި ނުވާތީ ހައިކޯޓުގެ ޙުކުމަށް ތާއީދުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2016/HC-A/280
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް؛ އެއްބަސްވުން ބާޠިލުކުރެވޭ ޙާލަތްތަކާއި ނޯޓިސްގެ މުއްދަތާ ބެހޭ ހައިކޯޓުގެ ނިންމުން ރަނގަޅު ނޫން
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
އިސްތިއުނާފީ މަރުޙަލާ އަކީ، ޢާންމު އުސޫލެއްގެ ގޮތުން ހެކި ވަޒަންކުރުމާއި މައްސަލައެއްގެ ވާޤިޢާތައް ސާބިތުކުރާ މަރުޙަލާ ނޫނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ ދަށުން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭނީ، ހައިކޯޓުގެ ޙުކުމެއް ޤާނޫނާ ޚިލާފު ވާނަމަ، ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާނަމަ، ނުވަތަ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރިނަމަ، މިފަދަ ކަންކަމުގެ މައްޗަށް އެކަންޏެވެ؛ އެ ޙާލަތްތައް ފިޔަވައި އިތުރު ޙާލަތެއްގައި ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓަށް އިސްތިއުނާފު ނުކުރެވޭނެއެވެ.
ހައިކޯޓުގެ ނިންމުމެއް ޤާނޫނާ ޚިލާފު ވާނަމަ، ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާނަމަ، ނުވަތަ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރިނަމަ، މައްސަލަ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭ ހިނދު، އެކަންކަން އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށް ބުނެދެވެންޖެހެއެވެ.
އެއްބަސްވުމުގެ ބާޠިލުކުރުމާ ގުޅޭ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގައި އެކަނި އެއްބަސްވުން ބާޠިލުކުރެވޭނެކަން އެއްބަސްވުމުން ދޭހަ ނުވާނަމަ، އެއްބަސްވުމުގެ އެހެން ޖައުހަރީ މާއްދާއަކާ ޚިލާފުވާ ޙާލަތުގައި، އަނެއް ފަރާތަށް އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް އެއް ދިނުމަށްފަހު އެއްބަސްވުން ބާޠިލުކުރެވިދާނެއެވެ.
އެއްބަސްވުން ބާޠިލުކުރުމަށް ދައްކާފައިވާ ސަބަބު ސާބިތުކޮށް ދިނުމަކީ، އެއްބަސްވުން ބާޠިލުކުރި ފަރާތުގެ ޒިންމާއެކެވެ؛ އަނެއް ފަރާތުން އެ ސަބަބަށް އިންކާރު ކުރާނަމަ، އެކަން ސާބިތު ކުރުމަކީ ވެސް އެ ފަރާތުގެ ޒިންމާއެކެވެ. އެ ފަރާތަށް އެ ސަބަބު ސާބިތުކޮށް ނުދެވޭ ޙާލަތުގައި، އެއްބަސްވުން ބާޠިލުކުރެވިފައި ވަނީ އެއްވެސް ސަބަބެއް ނެތިކަމަށް ބެލެވި، ބަދަލު ދީފައި ބާޠިލުކުރެވިދާނެ ޙާލަތަށް އެ ޙާލަތް ފެތިގެން ދާނެއެވެ؛ އެ ޙާލަތުގައި އެއްބަސްވުމުގައިވާ ގޮތަށް ބަދަލު ދޭންޖެހޭނެއެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ
ފަނޑިޔާރުން
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/280 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރުC-49/2008) (މީގެ ފަހުން "އަހްމެޓް އައިޑެނިޒް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/55 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-291/2009) (މީގެ ފަހުން "ޑޮލްފިން ބޭސް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" މިހެން އިޝާރާތް ކޮށްފައިވާ) ގެ މައްޗަށެވެ.
މި މައްސަލައިގެ ޙަޤީޤަތަށް ބަލާއިރު، މޫދު ކުޅިވަރާއި ފީނުމުގެ ޚިދުމަތް ދިނުމުގެ އެއްބަސްވުމެއް ("އެއްބަސްވުން") ގައި އަހްމެޓް އައިޑެނިޒް އާއި ޑޮލްފިން ބޭސް އާ ދެމެދު 18 ޖުލައި 2011 ގައި ސޮއިކުރެވުނެވެ. މި އެއްބަސްވުމުގައި އަންނަނިވި ކަންކަން ވަނީ ބަޔާންކޮށްފައެވެ.
ގދ. މަގުއްދުވާގައި އަހްމެޓް އައިޑެނިޒްގެ ފަރާތުން ހުޅުވުމަށް ތައްޔާރު ވަމުން ދިޔަ އަޔާޑާ މޯލްޑިވްސް ރިސޯޓުގެ ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރުގައި ފަތުރުވެރިންނަށް މޫދު ކުޅިވަރާއި ފީނުމުގެ ޚިދުމަތް 5 (ފަހެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދިނުމަށްޓަކައި އަހްމެޓް އައިޑެނިޒް އިން ޑޮލްފިން ބޭސް އާ ޙަވާލުކޮށްފައި ވެއެވެ.
އެއްބަސްވުމުގެ ކޮންޓްރެކްޓަރ (ޑޮލްފިން ބޭސް) ގެ ޒިންމާތައް ބަޔާންކޮށްފައިވާ މާއްދާގެ 4 ވަނަ ނަންބަރުގައި ވަނީ ވޯޓަރ ސްޕޯޓްސް އެންޑް ޑައިވް ސެންޓަރުގައި މަދުވެގެން އިނގިރޭސި ބަސް ދަންނަ 14 (ސާދަ) މުވައްޒަފުން ފީނުމާއި މޫދު ކުޅިވަރުގެ ޚިދުމަތުގައި ދެމިތިބެން ވާނެކަމުގައެވެ.
އެއްބަސްވުމުގެ ކޮންޓްރެކްޓަރ (ޑޮލްފިން ބޭސް) ގެ ޒިންމާތައް ބަޔާންކޮށްފައިވާ މާއްދާގެ 11 ވަނަ ނަންބަރުގައި ޚިދުމަތް ދިނުމުގައި ބޭނުންކުރާ އާލާތްތަކަކީ އެންމެ ފެންވަރު ރަނގަޅު ބްރޭންޑްގެ އަދި އެންމެ ފެންވަރު ރަނގަޅު އާލާތްތައް ކަމުގައި ވާންވާނެ ކަމަށް ވަނީ ބަޔާންކޮށްފައެވެ. މި އާލާތްތަކުގެ ތެރޭގައި، ސޭފްޓީ އަދި ސެކިއުރިޓީ އާލާތްތައް ވެސް ހިމެނެއެވެ.
އެއްބަސްވުމުގެ ކޮންޓްރެކްޓަރ (ޑޮލްފިން ބޭސް) ގެ ޒިންމާތައް ބަޔާންކުރާ މާއްދާގެ 21 ވަނަ ނަންބަރުގައި ޚިދުމަތުގައި ތިބޭ މުވައްޒަފުން ފަތުރުވެރިންނާ އިޙްތިރާމާއެކު ރީތިބަހުން މުޢާމަލާތު ކުރަންވާނޭކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެއްބަސްވުމުގައި، ފަތުރުވެރިންނަށް ލިބޭ ޚިދުމަތްތަކާ މެދު ހިތްހަމަޖެހޭތޯ ބެލުމަށާއި، ޚިދުމަތުގެ ފެންވަރު ބެލުމާ ގުޅޭގޮތުން އޮންނަ މާއްދާގައި އަންނަނިވި ގޮތަށް ބަޔާންކޮށްފައެވެ.
(ހ) ފަތުރުވެރިންނަށް ލިބޭ ޚިދުމަތާމެދު ހިތްހަމަޖެހޭތޯ ބެލުމާއި އަދި ޚިދުމަތުގެ ފެންވަރު ވަޒަންކުރުމަށް އެއްބަސްވެފައިވާކަން.
(ށ) މިގޮތުން ފެންވަރު ވަޒަންކުރެވޭނީ، ފަތުރުވެރިންގެ ކޮޓަރި އާއި ޑައިވް ސެންޓަރުތަކާއި، ވޯޓަރ ސްޕޯޓްސް ސެންޓަރުގައި ބެހެއްޓޭ ސުވާލު ކަރުދާހުގެ ޒަރީޢާއިންނާއި، ޓްރިޕް އެޑްވައިޒަރ އަދި/ނުވަތަ ފޭސްބުކް ޒަރީއާއިންކަން. އަދި މީސްމީޑިޔާގައި، ލިބޭ ޖަވާބުތަކުން ނޭދެވޭ ޖަވާބުތަކުގެ ނިސްބަތް %10 އަށް ނުވަތަ އެއަށްވުރެ މަތިވެއްޖެނަމަ، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މެނޭޖްމަންޓް (އަހްމެޓް އައިޑެނިޒް) އިން ޑޮލްފިން ބޭސްއަށް އަންގަންވާނޭކަން.
އެއްބަސްވުން ބާތިލުކުރުމާ ގުޅޭގޮތުން އޮންނަ މާއްދާގައި އަންނަނިވި ގޮތަށް ވަނީ ބަޔާންކޮށްފައެވެ.
(ހ)އެއްބަސްވުމުގެ މުއްދަތު ކަމުގައިވާ 5 (ފަހެއް) އަހަރު ހަމަވުމުގެ ކުރިން އެއްބަސްވުން ބާތިލު ނުކުރުމަށްވަނީ ދެ ފަރާތުން އެއްބަސްވެފައެވެ. ނަމަވެސް، އަހްމެޓް އައިޑެނިޒްގެ ފަރާތުން އެއްބަސްވުން ބާތިލު ކުރަން ބޭނުންވާނަމަ، $150,000.00 (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އަދި އެއްބަސްވުމުގެ ބާކީ އޮތް ކޮންމެ އަހަރަކަށް $50,000.00 (ފަންސާސްހާސް އެމެރިކާ ޑޮލަރު) ޑޮލްފިން ބޭސްއަށް ބަދަލުގެ ގޮތުގައި ދެއްކުމަށްފަހު އެއްބަސްވުން ބާތިލުކުރެވިދާނެކަން.
(ށ)ފަތުރުވެރިން ހިތްހަމަޖެހުމާއި ޚިދުމަތުގެ ފެންވަރު ވަޒަންކުރުމާ ގުޅޭގޮތުން އެއްބަސްވުމުގައި އޮންނަ އިސްވެ ދެންނެވިފައިވާ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ޑޮލްފިން ބޭސް އަށް އަމަލު ކުރުމަށް ނުކުޅެދިއްޖެނަމަ، އަހްމެޓް އައިޑެނިޒް އިން ޑޮލްފިން ބޭސްއަށް އެ ހިތްހަމަނުޖެހުނު ކަންކަން ރަނގަޅުކުރުމަށް 04 (ހަތަރެއް) މަސްދުވަހުގެ ނޯޓިސް އެއް ދިނުމަށްފަހު، އެ މުއްދަތުގައި އެ ކަންކަން އިސްލާޙު ނުކޮށްފިނަމަ، އެއްވެސް ބަދަލެއް ނުދީ، އެއްބަސްވުން ބާތިލުކުރުމުގެ އިޚްތިޔާރު އަހްމެޓް އައިޑެނިޒް އަށް ލިބިގެންވާކަން.
ޑޮލްފިން ބޭސް އެއްބަސްވުމާ ޚިލާފުވި ކަމަށް ބުނެ އަހްމެޓް އައިޑެނިޒް އިން ޑޮލްފިން ބޭސްއަށް އެކަންކަން ރަނގަޅުކުރުމަށް 15 (ފަނަރަ) ދުވަހުގެ މުއްދަތެއްދީ ސިޓީ ފޮނުވިއެވެ. މިގޮތުން މި ސިޓީގައި، ޑޮލްފިން ބޭސްއިން އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތަށް ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި ބޭނުންކުރާ އާލާތްތަކަކީ އެންމެ ފެންވަރު ރަނގަޅު ބްރޭންޑްގެ އާލާތްތައްކަން ކަށަވަރު ކުރަންޖެހޭކަމަށް ބަޔާންކޮށްފައި ވީނަމަވެސް، އެގޮތަށް އެކަން ކޮށްފައި ނުވާތީވެ އެ ކަންކަން ރަނގަޅުކުރުމަށް އަންގާފައިވެއެވެ.
މި ރައުޔުގެ ޕްރެގްރާފް 03 ގައި ޙަވާލާދީފައިވާ ސިޓީގެ ޖަވާބުގައި ޑޮލްފިން ބޭސް އިން އީ-މެއިލެއް ފޮނުވިއެވެ. މި އީ-މެއިލްގައި އަހްމެޓް އައިޑެނިޒްގެ ތުހުމަތުތަކަށް ޑޮލްފިން ބޭސް އިން އިންކާރުކޮށްފައި ވެއެވެ. އަހްމެޓް އައިޑެނިޒްގެ ފަރާތުން ރަނގަޅު ކުރަން އެދިފައިވާ ކަންކަން ޑޮލްފިން ބޭސް އިން ރަނގަޅު ކޮށްފައިނުވާ ކަމަށް ބުނެ 20 އޮކްޓޫބަރު 2012 ގައި އެއްބަސްވުން ބާތިލުކުރިއެވެ. އަދި އެއްބަސްވުން ބާތިލުކުރުމަށްފަހު، 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ރިސޯޓުން ފޭބުމަށް ޑޮލްފިން ބޭސް އަށް ވަނީ އަހްމެޓް އައިޑެނިޒްގެ ފަރާތުން އަންގާފައެވެ.
އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން، ސިވިލް ކޯޓުގައި ޑޮލްފިން ބޭސް އިން ދައުވާ އުފުލުމުން ސިވިލް ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ޑޮލްފިން ބޭސް އާ އެއްކޮޅަށެވެ. ސިވިލް ކޯޓުން އެ މައްސަލަ ނިމުނު ގޮތާމެދު ހިތްހަމަނުޖެހިގެން އަހްމެޓް އައިޑެނިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އެ މައްސަލަ އިސްތިއުނާފު ކުރުމުން، އެ ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކޮށެވެ. މިއީ، އަހްމެޓް އައިޑެނިޒް އިން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމުން ބެލުނު މައްސަލައިގެ ނިޔާއެވެ.
ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް
އަހްމެޓް އައިޑެނިޒްގެ ފަރާތުން، އެއްބަސްވުން ބާތިލުކުރުމާ ގުޅިގެން އެ މައްސަލަ ސިވިލް ކޯޓަށް ޑޮލްފިން ބޭސްގެ ފަރާތުން ހުށަހެޅިއެވެ. މި މައްސަލަ އެ ކޯޓުން ބަލައި ޙުކުމް ކޮށްފައިވަނީ އެ ކޯޓުގެ ނަންބަރު 2061/Cv-C/2013 ޤަޟިއްޔާއިންނެވެ. މި މައްސަލައިގެ ޚުލާސާއަށް ބަލާއިރު، ޑޮލްފިން ބޭސް އެއްބަސްވުމާ ޚިލާފުވެފައި ނުވާހިނދު، ދެ ފަރާތުގެ ދެމެދުގައިވާ އެއްބަސްވުމާ ޚިލާފަށް، އެއްބަސްވުން ބާތިލުކުރުމާ ގުޅޭގޮތުން އޮންނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ނޯޓިސް ދިނުމެއްނެތި، އެއްބަސްވުން ބާތިލުކުރުމާއެކު އެއްބަސްވުމަށް އަހްމެޓް އައިޑެނިޒް އިން ޢަމަލުކުރުމަށް އިންކާރުކޮށް، ޑޮލްފިން ބޭސްގެ މުވައްޒަފުންނާއި ތަކެތި، ރިސޯޓުން ބޭލުމަށް މަޖުބޫރުކޮށްފައި ވާތީވެ، ޑޮލްފިން ބޭސްއަށް ހައްޤުވާ ބަދަލު ފައިސާ އާއި ގެއްލުމުގެ ބަދަލު ހޯދުމަށް އެދި ކުރާ ދައުވާކަމަށް ބަޔާންކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ، އަހްމެޓް އައިޑެނިޒްގެ ފަރާތުން އެއްބަސްވުން ނިމުމަކަށް ގެނެސްފައިވަނީ، އެއްބަސްވުމާ ޚިލާފަށްކަމަށް ވާތީވެ، ބަދަލުގެ ގޮތުގައި އަހްމެޓް އައިޑެނިޒްގެ ފަރާތުން $347,267.76 (ތިންލައްކަ ސާޅީސްހަތްހާސް ދުއިސައްތަ ފަސްދޮޅަސް ހަތެއް އެމެރިކާ ޑޮލަރު/ހަތްދިހަ ހަސެންޓް) ޑޮލްފިން ބޭސް އަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅައި، މި ފައިސާ31 މާރިޗު 2016 އިން ފެށިގެން 06 (ހައެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް އަންގައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް
އަހްމެޓް އައިޑެނިޒްގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 2061/CV-C/2013ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/280 ޤަޟިއްޔާ އިންނެވެ. ދިވެހިރާއްޖޭގެ ހައިކޯޓަށް އަހްމެޓް އައިޑެނިޒްގެ ފަރާތުން މި މައްސަލަ އިސްތިއުނާފުކުރުމަށް 30 (ތިނެއް) ނުކުތާއެއް ހުށަހެޅިއެވެ.
(ހ) ފުރަތަމަ ނުކުތާ އަކީ: ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން ބާތިލުކުރުމަށް އަހްމެޓް އައިޑެނިޒް އިން ފާހަގަކޮށްފައިވާ ސަބަބުތައް ބިނާކޮށްފައި ވަނީ، ހަމައެކަނި އެ ކުންފުނީގެ ބަހުގެ މައްޗަށް ކަމާއި، އެ ސަބަބުތަކުގެ މައްޗަށް ބުރަދަންދޭ އިތުރު އެއްވެސް ހެއްކެއް ހުށަހެޅިފައި ނެތް ކަމާއި، އަހްމެޓް އައިޑެނިޒް އިން އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުން ބާތިލުކުރުމަށް އެއްބަސްވެފައިވާ ގޮތާއި ޚިލާފަށްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ، އެއްބަސްވުމުގެ މާއްދާތަކާ، އެއްބަސްވުމާ ގުޅިގެން އަހްމެޓް އައިޑެނިޒްގެ ފަރާތުން 05 ޖޫން 2012 ގައި ފޮނުވާފައިވާ ނޯޓިސްއާ، އެ ނޯޓިސްއާ ގުޅިގެން ޑޮލްފިން ބޭސް އިން 19 ޖޫން 2012 ގައި ފޮނުވާފައިވާ އީ-މެއިލް އާއި ޝަރީޢަތަށް ހުށަހެޅުނު ބަޔާންތަކަށް ރިޢާޔަތް ނުކުރައްވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
(ށ) ދެވަނަ ނުކުތާ އަކީ: އަހްމެޓް އައިޑެނިޒްގެ ފަރާތުން އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމުގެ ބައިވެރިން އެއްބަސްވުން ބާތިލުކުރުމަށް އެއްބަސްވެފައިވާ ގޮތާ ޚިލާފަށްކަމަށް ސިވިލް ކޯޓުން ކަނޑައަޅުއްވައި، 2013 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ނިޔަލަށް $47,267.76 (ސާޅީސް ހަތްހާސް ދުއިސައްތަ ފަސްދޮޅަސްހަތް އެމެރިކާ ޑޮލަރު / ހަތްދިހަ ހަސެންޓް) އާ އެކު ޖުމްލަ ކޮންޕެންސޭޝަންގެ ގޮތުގައި އަހްމެޓް އައިޑެނިޒް އިން $347,267.76 (ތިންލައްކަ ސާޅީސް ހަތްހާސް ދުއިސައްތަ ފަސްދޮޅަސްހަތް އެމެރިކާ / ޑޮލަރު ހަތްދިހަ ހަސެންޓް) ޑޮލްފިން ބޭސް އަށް ދައްކަންޖެހޭ ކަމަށް ކަނޑައަޅުއްވާފައިވަނީ، އެއްބަސްވުމުގައި ލިކިއުޑޭޓެޑް ޑެމޭޖަސް ދޭން ޖެހިއްޖެ ޙާލަތެއްގައި ވެސް އެ ޢަދަދު ކަނޑައެޅުމުގައި ޢަމަލުކުރަން އެއްބަސްވެފައިވާ އުސޫލާއި، އެއްގޮތަށް ނޫންކަމަށް ބުނެ ފާހަގަކުރި ނުކުތާ.
(ނ) ތިންވަނަ ނުކުތާ އަކީ: ޑޮލްފިން ބޭސް އިން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި އެ ފަރާތުން އެޓޭޗްމަންޓުގެ ގޮތުގައި ހިމަނުއްވާފައިވާ ޑޮކިއުމެންޓް ނަންބަރު 8،7،5،4 އަދި 10 އެ ޑޮކިއުމެންޓްތަކަށް ޙަވާލާދެއްވާފައިވީނަމަވެސް އެ ޑޮކިއުމެންޓްތައް ދަޢުވާ ފޯމުގައި ހިމަނުއްވާފައި ނުވާތީ އެ ނުކުތާތަކާ ގުޅޭގޮތުން ޖަވާބުދާރީ ވުމަށް ސިވިލް ކޯޓުގެ މަރުހަލާގައި ފުރުސަތު ލިބިފައި ނުވާކަމަށް ބުނެ ފާހަގަކުރި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމަށް ވާސިލުވުމުގައި އަންނަނިވި ސަބަބުތައް ފާހަގަކޮށްފައިވެއެވެ.
(ހ) އެއްބަސްވުމުގެ މުއްދަތުގެ ތެރޭގައި އެއްބަސްވުން ބާތިލުނުކުރުމަށް ދެ ފަރާތުން އެއްބަސްވެފައިވާކަމާއި، ނަމަވެސް އަހްމެޓް އައިޑެނިޒް އިން އެއްބަސްވުން ބާތިލުކުރަން ޖެހިއްޖެ ހާލަތެއްގައި، ޑޮލްފިން ބޭސް އަށް ބަދަލުގެ ގޮތުގައި $150,000.00 (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އާއި އެއްބަސްވުމުގެ ބާކީ އޮތް ކޮންމެ އަހަރަކަށް $50,000.00 (ފަންސާސްހާސް އެމެރިކާ ޑޮލަރު) ގަނޑުކޮށް އެއްފަހަރާ ދިނުމަށްފަހު ބާތިލު ކުރެވިދާނެކަމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވާކަން ފާހަގަކޮށްފައި ވެއެވެ. މީގެ އިތުރުން، ފަތުރުވެރިން ހިތްހަމަޖެހޭ މިންވަރަށް ޚިދުމަތް ނުލިބޭ ޙާލަތެއްގައި އަދި އެއްބަސްވުމުގައިވާ ގޮތުގެމަތިން ބެލެވޭ ޕާފޯމެންސް އިވެލުއޭޝަންގެ ނަތީޖާ ދަށްކަމަށް ފާހަގަވެއްޖެނަމަ، އެކަން ރަނގަޅު ކުރުމަށް 40 (ހަތަރެއް) މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އެ މުއްދަތުގައި އެކަން ރަނގަޅު ނުކޮށްފިނަމަ، އެއްބަސްވުން ބާތިލުކުރުމުގެ އިޚްތިޔާރު އަހްމެޓް އައިޑެނިޒް އަށް ލިބިގެންވާ ކަމާއި މި ޙާލަތުގައި ބަދަލު ދޭން ނުޖެހޭކަން އެނގޭކަމަށް ބަޔާން ކޮށްފައިވެއެވެ.
(ށ) 20 އޮކްޓޫބަރު 2012 ގައި އެއްބަސްވުން ބާތިލުކުރުމަށް އަހްމެޓް އައިޑެނިޒްގެ ފަރާތުން ޑޮލްފިން ބޭސް އަށް ލިބިފައިވާ ނޯޓިސްއަށް ބަލައި، އެއްބަސްވުން ބާތިލުކޮށްފައިވަނީ، އަހްމެޓް އައިޑެނިޒްގެ ފަރާތުން ޑޮލްފިން ބޭސް އަށް 05 ޖޫން 2012 ގައި ފޮނުވާފައިވާ ނޯޓިސްގައިވާ ކަންކަން ރަނގަޅުކޮށްފައި ނުވާތީ ކަމަށް ފާހަގަކޮށްފައިވެއެވެ.
(ނ) ބުނެވުނު 05 ޖޫން 2012 ގެ ނޯޓިސްއަށް ބަލާއިރު، ރަނގަޅު ކުރަންޖެހޭ ކަންކަން ކަމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި ހިމެނެނީ، އެއްބަސްވުމުގައި ޚިދުމަތް ދިނުމުގައި ބޭނުންކުރާ އާލާތްތަކަކީ އެންމެ ފެންވަރު ރަނގަޅު ބްރޭންޑް އަދި އެންމެ ފެންވަރު ރަނގަޅު ކޮލިޓީގެ އާލާތްތަކަކަށް ވާންޖެހޭނެކަމާއި، މީގެ ތެރޭގައި ސޭފްޓީ އާއި ރައްކާތެރިކަމުގެ އާލާތްތައް ވެސް ހިމެނޭކަމަށް ބަޔާންކޮށްފައިވީނަމަވެސް، ތާޖް އެކްޒޯޓިކާ ރިސޯޓުގައި ބޭނުންކޮށް ބާވެ ދުވަސްވެފައިވާ އާލާތްތަކެއް ކަމަށްވުމުން، ފަތުރުވެރިންގެ ފުރާނަ އާއި ރައްކާތެރިކަމަށް ނުރައްކާވާ ފަދަ ޙާލަތުގެ އާލާތްތަކެއްކަން ފާހަގަކޮށް އެ އާލާތްތައް ފެންވަރު ރަނގަޅު ބްރޭންޑުގެ އާލާތްތަކަކަށް ބަދަލުކުރުމަށް އެދިފައިވާކަން ފާހަގަކޮށްފައި ވެއެވެ.
(ރ) ޚިދުމަތުގައި އުޅޭ ބައެއް މުވައްޒަފުން ފަތުރުވެރިންނާ ޒުވާބުކުރާކަމުގެ ޝަކުވާ ލިބިފައިވާ ކަމާއި، އަދި އޭޝިޔާ ބައްރުން އަންނަ ޗައިނާގެ ފަތުރުވެރިންނަށް ރައްދުވާ ގޮތަށް ނަސްލީ ފުރައްސާރަ ކުރާ ކަމަށާއި އަދި އެފަދަ މުވައްޒަފުން ވަގުތުން ބަދަލު ކުރުމަށް ނޯޓިސްގައި އަންގާފައިވާ ކަމާއި، އަދި ޚިދުމަތުގައި އުޅޭ މުވައްޒަފުންގެ ތެރޭގައި ރަނގަޅަށް އިނގިރޭސި ބަހުން ވާހަކަ ދައްކަން އެނގޭ 14 (ސާދަ) މީހުން ތިބެން ވާނެކަމަށް ބަޔާންކޮށްފައިވާ ހިނދު، އެ ޢަދަދަށް މުވައްޒަފުން ނެތް ކަމަށް ވާތީވެ، ބުނެވުނު ކަންކަން ރަނގަޅު ކުރުމަށް 15 (ފަނަރަ) ދުވަހުގެ މުއްދަތުގެ ނޯޓިސް އެއް އަހްމެޓް އައިޑެނިޒް އިން ޑޮލްފިން ބޭސް އަށް ދީފައިވާކަން ފާހަގަކޮށްފައި ވެއެވެ.
(ބ) 19 ޖޫން 2012 ގައި، ޑޮލްފިން ބޭސް އިން އަހްމެޓް އައިޑެނިޒް އަށް ޖަވާބު ދިނުމުގެ ގޮތުން ފޮނުވާފައިވާ އީ-މެއިލް އަށް ބަލާއިރު، އެ ފަރާތުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކޮށްފައިވެއެވެ. އެ ފަރާތުގެ އެ ނޯޓިސްއަށްފަހު، އަހްމެޓް އައިޑެނިޒްގެ ފަރާތުން ރައްކާތެރި ނޫންކަމަށް ބުނެވުނު އާލާތްތައް ބޭނުންކޮށްފައިވާ ކަމާއި، އަދި އެ ތަކެތި އިންސްޕެކްޓު ކުރުމަށް ދައުވަތު ދޭކަމާއި، ޚިދުމަތުގައި އުޅޭ މުވައްޒަފުންނާ ގުޅޭ ޝަކުވާއެއް އެ ފަރާތަށް ލިބިފައި ނުވާކަމާއި، މިކަމުގެ ހެކީގެ ގޮތުގައި، ޚިދުމަތް ބޭނުންކޮށްފައިވާ ބައެއް ފަތުރުވެރިންނާއި، ޓްރިޕް އެޑްވައިޒަރ އަދި ފޭސްބުކްގައި ބަޔާންކޮށްފައިވާ ރަނގަޅު ކޮމެންޓްސްތައް ވަނީ ހިމަނާފައެވެ.
(ޅ) ޑޮލްފިން ބޭސްގެ ބުނެވިދިޔަ ޖަވާބާ ގުޅިގެން ރައްދުގައި އަހްމެޓް އައިޑެނިޒްގެ ފަރާތުން އެއްޗެކޭ ބުނެފައިވާކަން އެނގެން ނެތްއިރު، ޑޮލްފިން ބޭސްގެ ފަރާތުން އެ ރިސޯޓުގައި ތިބި މީހުންނާއި ތަކެތި 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ ރިސޯޓުން ބޭލުމަށް އަންގާފައިވަނީ، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކަންކަން ރަނގަޅުކުރުމަށް 40 (ހަތަރެއް) މަސް ދުވަހުގެ ނޯޓިސް އެއް ދޭން ޖެހޭނެކަމަށް ބަޔާންކޮށްފައިވާއިރު، 15 (ފަނަރަ) ދުވަހުގެ މުއްދަތެއް ދީފައިވާކަމަށް ވަނީ ބަޔާންކޮށްފައެވެ.
(ކ) މަދަނީ ޚުޞޫމާތެއްގައި ސާބިތުކުރުމުގެ ބުރަ އަކީ ދައުވާކުރާ ފަރާތުގެ ޒިންމާއެއް ކަމާއި، ދައުވާ ރައްދުވާ ފަރާތުގެ ދިފާޢުގައި ހުށަހަޅާ ކަންކަން ސާބިތުކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަމުގައި ވާހިނދު، އެއް ފަރާތުން އަނެއް ފަރާތަށް ކުރިމަތިކުރުވާ ދަފުޢުތައް ސާބިތުކޮށް ދިނުމަކީ، އެ ދަފްޢެއް ކުރިމަތިކުރި ފަރާތުގެ ޒިންމާއެއް ކަމަށް ވީހިނދު، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލަ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭނީ، އަހްމެޓް އައިޑެނިޒް ކަމަށްވާއިރު، އެ ފަރާތުގެ ތުހުމަތުތަކަށް ޑޮލްފިން ބޭސް އިން އިންކާރު ކުރާއިރު، އަހްމެޓް އައިޑެނިޒްގެ ދައުވާ ސާބިތުކުރެވޭ މިންވަރަށް ކާފީ ހެކި ޝަރީޢަތަށް އެ ފަރާތުން ހުށަހަޅާފައި ނުވާކަމަށް ވަނީ ފާހަގަކޮށްފައެވެ.
(އ) އެއްބަސްވުން ބާތިލުކޮށްފައި ވަނީ އަހްމެޓް އައިޑެނިޒްގެ ފަރާތުން އެއްބަސްވުން ބާތިލުކުރުމާ ގުޅޭގޮތުން ފާހަގަކޮށްފައިވާ ކަންކަން، ސާބިތުކުރެވޭ މިންވަރަށް ކާފީ ހެކި ހުށަހެޅުމެއް ނެތިކަމަށް ވާތީވެ، އެއްބަސްވުން ބާތިލުކުރުމާ ގުޅޭ މާއްދާއަށް ބަލައި، ޑޮލްފިން ބޭސް އަށް ބަދަލު ލިބެންޖެހޭ ކަމަށް ދެކޭ ކަމާއި، ނަމަވެސް ސިވިލް ކޯޓުން ބަދަލުގެ މިންވަރު ހިސާބުކޮށްފައިވާ ގޮތަށް ބަދަލު ގެންނަންޖެހޭ ކަމަށް ދެކޭ ކަމަށެވެ. މިގޮތުން، އެއްބަސްވުން ބާތިލުކޮށްފައި ވަނީ، 20 އޮކްޓޫބަރު 2012 ގައި ކަމާއި، މި އެއްބަސްވުންވެފައި ވަނީ، 18 ޖުލައި 2011 ގައި ކަމުން، މި އެއްބަސްވުން ބާތިލުކުރެވުނު އިރު، މި އެއްބަސްވުމުގައި ދެ ފަރާތުން ދެމި ތިބީ 01 އަހަރާއި 03 މަހާއި 02 ދުވަސްކަމާއި އެހެންކަމުން މި އެއްބަސްވުމުގެ ބާކީ އޮތް 03 އަހަރާއި 08 މަހާއި 28 ދުވަސް ކަމުން، އެއްބަސްވުމުގައި ހިސާބު ޖެހުމަށް ކަނޑައަޅާފައިވާ ގޮތުގެމަތިން، ބާކީ އޮތް ކޮންމެ އަހަރަކަށް 50,000.00$ (ފަންސާސްހާސް އެމެރިކާ ޑޮލަރު) މަގުން 03 (ތިނެއް) އަހަރަށް $150,000.00 (އެއްލައްކަ ފަންސާސްހާސް އެމެރިކާ ޑޮލަރު) އާއި ބާކީ އޮތް ދުވަސްތަކައް އަހަރެއް ހަމަ ނުވާތީވެ، އަހަރެއްގައި އޮންނަނީ 365 (ތިންސަތޭކަ ފަސްދޮޅަސް ފަހެއް) ދުވަސް ކަމަށް ވާތީވެ، ދުވާލަކަށް ޖެހޭ ނިސްބަތަކީ 136.99$ (އެއްސަތޭކަ ތިރީސް ހައެއް އެމެރިކާ ޑޮލަރު / ނުވަދިހަ ނުވައެއް ސެންޓް) މަގުން ބާކީ އޮތް ދުވަސްތަކަށް 36,713.30$ (ތިރީސް ހަހާސް ހަތްސަތޭކަ ތޭރަ އެމެރިކާ ޑޮލަރު / ތިރީސް ސެންޓް) ކަމަށް ސާބިތު ވާކަމާއި، ސިވިލް ކޯޓުން އަހަރު ހަމަނުވާ ދުވަސްތަކަށް ކަނޑައަޅާފައިވަނީ $47,267.76 (ސާޅީސް ހަތްހާސް ދުއިސައްތަ ފަސްދޮޅަސް ހަތް އެމެރިކާ ޑޮލަރު / ހަތްދިހަހަ ސެންޓް) ރަނގަޅުނޫން ކަމަށް ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ، ސިވިލް ކޯޓުގެ ޙުކުމުގައި ގެއްލުމުގެ ބަދަލުގައި އަހަރު ހަމަނުވާ ދުވަސްތަކަށް ދޭންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ފައިސާގެ ޢަދަދަށް ބަދަލު ގެނެސް، އެއްބަސްވުން ބާތިލުކޮށްފައިވަނީ، އެއްބަސްވުމުގައި ބަދަލު ދޭން ނުޖެހޭނެ ކަމަށް ބުނާ ފަދަ ޙާލަތެއްގައި ނޫން ކަމަށް ވާތީވެ، ސިވިލް ކޯޓުން ކަނޑައަޅާފައިވާ ގޮތަށް ޑޮލްފިން ބޭސް އަށް ބަދަލު ޙައްޤުވާކަމަށް ޙުކުމް ކޮށްފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
ދިވެހިރާއްޖޭގޭ ހައިކޯޓުގެ ނަންބަރު 2016/HC-A/280 ޤަޟިއްޔާގެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން އެ މައްސަލަ އަހްމެޓް އައިޑެނިޒްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރިއެވެ. މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި އެ ފަރާތުން ހުށަހަޅާފައިވަނީ 02 (ދޭއް) ނުކުތާއެވެ. އެ ދެ ނުކުތާ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓަށް އެ ފަރާތުން އިސްތިއުނާފު ކުރި ފުރަތަމަ ނުކުތާ އާއި ތިންވަނަ ނުކުތާ އަކުރުން އަކުރަށް ނަކަލް ކޮށްފައިވާ ނުކުތާ ކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، އިސްތިއުނާފު ކުރެވިފައިވާ މައްސަލައިގެ ޝަރީޢަތުގެ މަޖިލިސްގައި، ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި، ހުށަހަޅާފައިވާ ކަންކަމަކީ، ސިވިލް ކޯޓުގައި ދެ ފަރާތުން ވާހަކަ ދެކެވި ސާބިތު ކުރެވިފައިވާ ވާޤިޢާތަކެއް ކަމާއި، އަދި އެ ވާޤިޢާތަކަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި ތަޢުނުކުރެވި، އެ ކޯޓުގެ ނިންމުމުގައި ފުރަތަމަ ނުކުތާއަށް ވަނީ ގޮތެއް ކަނޑައަޅުއްވާފައެވެ.
ނަމަވެސް، އިސްތިއުނާފު ކުރެވިފައިވާ ދެވަނަ ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅުއްވާފައެއް ނުވެއެވެ. މި ނުކުތާގައި ވަނީ، ސިވިލް ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައި އެ ފަރާތުން އެޓޭޗްމަންޓުގެ ގޮތުގައި ހިމަނުއްވާފައިވާ ޑޮކިއުމެންޓް ނަންބަރު 8,7,5,4 އަދި 10 އެ ޑޮކިއުމެންޓްތަކަށް ޙަވާލާދެއްވާފައި ވީނަމަވެސް އެ ޑޮކިއުމަންޓްތައް ސިވިލް ކޯޓުގެ ދަޢުވާ ފޯމުގައި ހިމަނުއްވާފައި ނުވާތީ އެ ނުކުތާތަކާ ގުޅޭގޮތުން ޖަވާބުދާރީ ވުމަށް ސިވިލް ކޯޓުގެ މަރުހަލާގައި ފުރުސަތު ލިބިފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާ އެވެ. އެ ނުކުތާގެ ޖަވާބުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި، އިސްތިއުނާފު ރައްދުވާ ފަރާތުން އެ ޑޮކިއުމެންޓްތަކާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ދީފައިވާ ޖަވާބު ތަކުރާރުކުރުމުން، މި ނުކުތާއާ ގުޅޭގޮތުން އިސްތިއުނާފު ކުރާ ފަރާތަށް އަރާފައިވާ އޮޅުން ސާފުވެފައިވާ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ބުނެފައިވާތީވެ، އިތުރަށް ބަހުސްކުރުމުގެ ފުރުސަތެއް އެ ނުކުތާގައި ނެތްކަން އެނގެއެވެ.
އިސްތިއުނާފުގެ ޖަވާބުގައި ޑޮލްފިން ބޭސް އިން ބުނެފައިވަނީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން އިއްވާފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމާއި، އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ތާއީދުކޮށް ދިނުމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލައެއް އިސްތިއުނާފު ކުރުން
އިސްތިއުނާފީ މަރުޙަލާ އަކީ، ޢާންމު އުސޫލެއްގެ ގޮތުން ހެކި ވަޒަންކުރުމާއި މައްސަލައެއްގެ ވާޤިއާތައް ސާބިތުކުރާ މަރުޙަލާ ނޫންކަން ފާހަގަކުރަމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 16 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކުރެވިފައެވެ. މިގޮތުން، ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ޤާނޫނާ ޚިލާފު ވާނަމަ، ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރިނަމަ މިފަދަ ކަންކަމުގެ މައްޗަށް އެކަންޏެވެ.
ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ބުނެވިދިޔަ ޙާލަތްތައް ފިޔަވައި، އިތުރު ޙާލަތެއްގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ނުކުރެވޭނެކަން އެނގެއެވެ.
އުސޫލުތައް ތަތުބީޤުކުރުން
ބަޔާންވެދިޔަ އުސޫލުތަކަށް ބަލައި، އަހްމެޓް އައިޑެނިޒް އިން އިސްތިއުނާފު ކުރުމަށްޓަކައި ހުށަހަޅާފައިވާ 02 (ދޭއް) ނުކުތާ އަކީ، އެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ދެ ނުކުތާގެ ނަކަލެއްކަން ފާހަގަކުރަމެވެ.
މިގޮތުން، ފުރަތަމަ ނުކުތާއަށް ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ވަނީ ކަނޑައަޅުއްވާފައެވެ. އެއީ އަހްމެޓް އައިޑެނިޒް އިން އެއްބަސްވުން ބާތިލުކުރުމަށް ހުށަހަޅާފައިވާ ކަންކަން ސާބިތުކުރުމުގެ ބުރަ މަތިކުރެވިފައިވަނީ، އެ ފަރާތަށް ކަމުން، އެކަންކަން ސާބިތުކުރުމަށްޓަކައި ކާފީ ހެކި އަހްމެޓް އައިޑެނިޒް އިން ހުށަހަޅާފައި ނުވުމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ މި ނިންމުން، ޤާނޫނާ ޚިލާފު ވާނަމަ، ނުވަތަ އެ ކޯޓުގެ އެ ނިންމުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ކަމަށް ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރިނަމަ އެކަންކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، މި މައްސަލަ އިސްތިއުނާފު ކުރެވޭ ހިނދު، އަހްމެޓް އައިޑެނިޒްގެ ފަރާތުން ބުނެދެވެންޖެހޭ ހިނދު، އެކަންކަން އެގޮތަށް ބަޔާންކޮށް ދެވިފައި ނުވާކަން ފާހަގަކުރަމެވެ.
އިސްތިއުނާފަށް ހުށަހެޅިފައިވާ ދެވަނަ ނުކުތާ ބިނާކުރެވިފައިވަނީ، މި ރައުޔުގެ 12 ވަނަ ނަންބަރުގައި ތަފްސީލު ދެވިފައިވާ ސިވިލް ކޯޓަށް ހުށަހެޅިފައިވާ ޑޮކިއުމަންޓްތަކެއް، ދައުވާ ފޯމާއެކު އެޓޭޗުކުރެފައި ނުވާތީވެ، އެ ޑޮކިއުމަންޓު ތަކުގައިވާ ކަންކަމަށް އިސްތިއުނާފު ކުރާ ފަރާތަށް ޖަވާބު ދިނުމުގެ ފުރުސަތު ލިބިފައި ނުވާ ނުކުތާއެވެ. މި ނުކުތާގެ ޖަވާބު އިސްތިއުނާފު ރައްދުވާ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިސްގައި ސާފުކޮށް ދިނުމުން، އޭގެ ރައްދުގައި އިސްތިއުނާފު ކުރާ ފަރާތުން މި ނުކުތާގައި އިތުރަށް ސާފުނުވާ ކަމެއް ނެތްކަމަށް ބުނެފައިވާ ކަމަށް ދޭހަވާތީވެ، އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި އެ ނުކުތާ ބަލައިގަނެފައި ނުވެއެވެ.
މި މައްސަލައިގައި އިސްތިއުނާފު ކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު އުފެދިފައިވާ ޚުޞޫމާތަށް ބަލާއިރު، އެއްބަސްވުން ބާތިލުކުރުމާ ގުޅޭގޮތުން އޮންނަ މާއްދާގައިވާ ދެ ހާލަތު ކަމުގައިވާ، އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ރިސޯޓުގެ މެނޭޖްމަންޓް (އަހްމެޓް އައިޑެނިޒް) ބޭނުންވެގެން އެއްބަސްވުން ބާތިލު ކުރާއިރު، އެ މާއްދާގައިވާ ގޮތަށް ބަދަލު ދީފައި އެއްބަސްވުން ބާތިލު ކުރެވިދާނެކަމަށް އޮންނައިރު، ދެވަނަ ޙާލަތެއްގައި، އަދި އެއީ މި ރައުޔުގެ 2.5 ގެ (ށ) ގެ އެއްބަސްވުމުގައިވާ ގޮތުގެމަތިން ބެލެވޭ ޕާފޯމެންސް އިވެލުއޭޝަންގެ ނަތީޖާ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މިންގަނޑަށް ވުރެ ޚިދުމަތް ދަށްކަމަށް ފެންނަ ޙާލަތުގައި، އެ ގޯސްވިކަމެއް ރަނގަޅު ކުރުމަށް 04 (ހަތަރެއް) މަސް ދުވަހުގެ ނޯޓިސް އެއް ދިނުމަށްފަހު، އެ މުއްދަތުގައި، އެކަންކަން ރަނގަޅު ނުކޮށްފިނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަމާއި، މި ޙާލަތުގައި ބަދަލު ދިނުމެއް ނުވެއެވެ.
ދެން އުފެދޭ ސުވާލަކީ، އެއްބަސްވުން ބާތިލުކުރެވޭނީ ހަމަ އެކަނި، މި ދެ ޙާލަތުގައި ތޯ އާއި، އަދި އެ ނޫން ޙާލަތެއްގައި އެއްބަސްވުން ބާތިލު ކުރެވޭއިރު ނޯޓިސްގެ މުއްދަތެވެ. މިކަމަށް ބަލާއިރު، އެއްބަސްވުމަށް ބެލުމުން، އެއްބަސްވުން ބާތިލުކުރެވޭނީ ހަމަ އެކަނި މި ދެ ޙާލަތުގައި އެކަނި ކަން ދޭހަ ނުވެއެވެ. އެއްބަސްވުމުގެ އެހެން ޖައުހަރީ މާއްދާއަކާ ޚިލާފުވާ ޙާލަތުގައި އިސްތިއުނާފު ކުރާ ފަރާތުން އެކަށީގެންވާ މުއްދަތެއްގެ ނޯޓިސް އެއް އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަށްފަހު އެއްބަސްވުން ބާތިލުކުރެވިދާނެ ކަމަށް ދެކެމެވެ. މިގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތުން އެއްބަސްވުމާ ޚިލާފުވެގެން ކަމަށް ދެކިގެން، އެއްބަސްވުން ބާތިލުކުރުމަށް ދީފައިވާ 15 (ފަނަރަ) ދުވަހުގެ މުއްދަތު އެއީ އެކަށީގެންވާ ރަނގަޅު މުއްދަތެއް ކަމަށް ދެކެމެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެއްބަސްވުން ބާތިލުކުރެވޭނީ ހަމައެކަނި އެއްބަސްވުން ބާތިލުކުރުމާ ގުޅޭގޮތުން އޮންނަ މާއްދާގައި އޮންނަ ދެ ހާލަތުގައި ކަމާއި، އަދި އެއްބަސްވުން ބާތިލު ކުރެވޭއިރު 04 (ހަތަރު) މަސް ދުވަހުގެ ނޯޓިސް އެއް ދޭންޖެހޭނެ ކަމަށް ދޭހަވާ ގޮތަށް ނިންމަވާފައިވާ ނިންމުން ރަނގަޅު ނޫން ކަމަށް އަހުރެން ދެކެމެވެ.
ނަމަވެސް، އެއްބަސްވުން ބާތިލުކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ސަބަބު ސާބިތުކޮށް ދިނުމަކީ، އެ ފަރާތުގެ ޒިންމާއެއް ކަމާއި، އެ ފަރާތަށް އެ ސަބަބު ސާބިތުކޮށް ނުދެވޭ ޙާލަތުގައި، ދެން ބަލަންޖެހޭނީ އެއްބަސްވުން ބާތިލުކުރެވިފައި ވަނީ އެއްވެސް ސަބަބެއް ނެތިކަމާއި، އެ ޙާލަތް ފެތިގެން ދަނީ، އެއްބަސްވުން ބާތިލުކުރުމާ ގުޅޭގޮތުން، އޮންނަ ފުރަތަމަ ޙާލަތަށް ކަމާއި، އެ ޙާލަތުގައި އިސްތިއުނާފު ކުރާ ފަރާތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލު ދޭންޖެހޭ ކަމަށެވެ. މިސާލަކަށް، މި މައްސަލައިގައި، އިސްތިއުނާފު ކުރާ ފަރާތުން އެއްބަސްވުން ބާތިލުކުރުމަށް ދައްކާ އެއް ސަބަބު ކަމުގައިވާ ޚިދުމަތް ދިނުމުގައި، ބޭނުންކުރާ އާލާތްތައް "އެންމެ ފެންވަރު ރަނގަޅު ބްރޭންޑް" ގެ "އެންމެ ފެންވަރު ރަނގަޅު ކޮލިޓީ" ގެ އާލާތްތައް އިސްތިއުނާފު ރައްދުވާ ފަރާތުން ބޭނުން ނުކުރާ ކަމަށް ބުނެފައިވާ ހިނދު، އެކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން އިންކާރު ކުރުމުން، އެ ތަކެއްޗަކީ، އެއްބަސްވުމުގައި ބަޔާންކުރާ ފަދަ އާލާތްތަކެއް ނޫންކަން ސާބިތު ކުރުމަކީ، އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެއް ކަމަށް ދެކޭ ހިނދު، އެގޮތަށް އެކަން ސިވިލް ކޯޓުގައި އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް އިސްތިއުނާފު ކުރާ ފަރާތަށް ސާބިތުކޮށް ދެވިފައި ނުވާކަމަށް އަހުރެން ދެކެމެވެ.
ބަޔާންވެދިޔަ ކަންކަން އެހެން ހުރުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް އޮތްކަމަށް އަހުރެންނަކަށް ނުފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެ ދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/280 ޤަޟިއްޔާ އިސްތިއުނާފު ކުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ ކަންކަމުގެ މައްޗަށް ބަލައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/280 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށްކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/280 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުމުޙައްމަދު އިބްރާހީމްޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.