ސިވިލް ސަރވިސް ކޮމިޝަން ވ. ޙަސަން ޝިޔާމް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ވަޒީފާއާބެހޭ ޓްރައިބިއުނަލް 86/VTR/2019
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅީ އެދުން އަނބުރާ ގެންދިޔައިރުން ވަކިވާން އެދިފައިވާ ޙާލަތު ނެތިގެން ދިޔަތީ ވަކިކުރުމަކީ މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުކޮށް ކުރި އަންފެއަރ ޑިސްމިސަލްއެއް ކަމަށާއި، ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށް މުސާރައާއި ޢިނާޔަތްތައް ދިނުމަށެވެ.
- ވާޤިޢާ
- ސިވިލް ސަރވިސް ކޮމިޝަނުގައި ވަޒީފާ އަދާކުރަމުން ދިޔަ މުވައްޒަފަކު 10 ޖަނަވަރީ 2019 ގައި އެހެން ވަޒީފާއަކަށް ބަދަލުވުމަށް ވަޒީފާއިން ވަކިވާން އެދި، ފަހުން އެ އެދުން މަޑުޖައްސާލުމަށާއި ބާޠިލުކުރުމަށް އެދުނު ނަމަވެސް، ކޮމިޝަނުން އޭނާގެ އެދުން ބަލައިގެން 12 ފެބުރުވަރީ 2019 ގައި ވަޒީފާއިން ވަކިކުރެއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- އަމިއްލައަށް ވަޒީފާއިން ވަކިވާން އެދި، އެ އެދުން އަނބުރާ ގެންދިޔަ މުވައްޒަފަކު ވަކިކުރުމަކީ އަންފެއަރ ޑިސްމިސަލްއެއްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމުގައި ޤާނޫނާ ޚިލާފުވެފައިވޭތޯ؛ އަދި ޓްރައިބިއުނަލްގައި ނުނަގާ ނުކުތާއެއް (ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ބަދަލު ކަނޑައެޅުން) އިސްތިއުނާފީ މަރުޙަލާގައި ބެލޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކޮމިޝަނުން ބުނީ ވަކިކުރީ މުވައްޒަފުގެ އަމިއްލަ އެދުމުން ކަމަށާއި، ޓްރައިބިއުނަލުން ލިޔުންތަކަށް ރިޢާޔަތްނުކުރާ ކަމަށާއި، ބަދަލު ކަނޑައެޅީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކާ ޚިލާފަށް ކަމަށެވެ. މުވައްޒަފުގެ ފަރާތުން ބުނީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ޙާލަތެއް ނެތް ކަމަށާއި، ދެވަނަ ނުކުތާއަކީ ޓްރައިބިއުނަލްގައި ނުނަގާ އައު ނުކުތާއެއް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ފުރަތަމަ ނުކުތާގައި ޤާނޫނާ ޚިލާފުވި ގޮތެއް ނުވަތަ ޤާނޫނީ ބަހުސެއް ބަޔާންކޮށްފައި ނުވާތީ އަދި ޓްރައިބިއުނަލުން ލިޔުމަށް ރިޢާޔަތްކޮށްފައިވާތީ ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ މިންގަނޑަށް ނުވާސިލުވެއެވެ. ދެވަނަ ނުކުތާއަކީ ޓްރައިބިއުނަލްގައި ނުދެކެވޭ އައު ބަހުސެއް ކަމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން އިސްތިއުނާފީ މަރުޙަލާގައި ބެލޭނެ ނުކުތާއެއް ނޫނެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިއިސްތިއުނާފު ބާޠިލް، ޓްރައިބިއުނަލްގެ ނިންމުން ޤާއިމް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާ (އަދި ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާ) ގައިވާ ސަބަބުތަކުގެ މައްޗަށް ކަމުން، އިސްތިއުނާފީ މައްސަލަތައް ބެލުމުގައި ހައިކޯޓަށް ލިބިދީފައިވާ ބާރަކީ މަޙްދޫދު ބާރެކެވެ.
HN2 އިސްތިއުނާފުކުރުމުގެ ޙައްޤު އޮތުމުގެ މާނައަކީ ތިން މަރުޙަލާގެ ކޯޓުތަކުން އެއް މައްސަލަ ތިން ފަހަރު އަލުން ބެލުމެއް ނޫނެވެ. އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވާނީ ދަށު މަރުޙަލާގައި ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއްގެ މައްޗަށެވެ.
HN3 މައްސަލަ ބެލި ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާކަމަށް ހަމައެކަނި ބުނުމަކުން، ނުވަތަ ހެކިތަކަށް ނުވަތަ ފަރާތެއްގެ ވާހަކަތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށް ހަމައެކަނި ބުނުމަކުން ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ އިސްތިއުނާފީ މިންގަނޑަށް ނުވާސިލުވާނެއެވެ؛ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން އިސްތިއުނާފުކުރާ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ.
HN4 ޤާނޫނެއްގެ މާއްދާއަކަށް ނުވަތަ ކުރީގެ ޤަޟިއްޔާތަކަށް ޙަވާލާދީ ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން ނުފުދޭނެއެވެ؛ ޚިލާފުވެފައިވަނީ ކޮން މާއްދާއަކާ ނުވަތަ ކޮން އުޞޫލަކާކަމާއި، އެ ޤަޟިއްޔާތައް މައްސަލައާ ގުޅެނީ ކިހިނެތްކަން ތަފްޞީލާއެކު ހާމަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ.
HN5 ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ފަރާތެއް ހުށަހެޅި ލިޔުމަކަށް ޙަވާލާދީ ތަފްޞީލުކޮށްފައިވާނަމަ، އެ ލިޔުމަށް ރިޢާޔަތްނުކުރާކަމަށް ބުނާ ނުކުތާ ޤާއިމެއް ނުވާނެއެވެ.
HN6 ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ދަށުން ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ؛ ދަށު މަރުޙަލާގައި ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ މަރުޙަލާގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަކީ، 2019/SC-A/57 ގައިވާ އިސްތިސްނާ ޙާލަތްތައް ނޫންނަމަ، ކޯޓުތަކުގެ ޤާނޫނު ހުއްދަކުރާ ކަމެއް ނޫނެވެ.
HN7 ވަޒީފާއިން ވަކިކުރި ފަރާތަށް ނުޙައްޤު މުއްސަދިކަމެއް ލިބުން، ގެއްލުން ކުޑަކުރުމަށް ފިޔަވަޅު އެޅުން، އަދި އެހެން ވަޒީފާއެއް އަދާކުރުން ފަދަ ކަންކަން ޓްރައިބިއުނަލްގައި ފާހަގަނުކޮށް ހައިކޯޓުގައި ފުރަތަމަ ފަހަރަށް ނަގާނަމަ، އެ ނުކުތާގެ މައްޗަށް އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ކަނޑައެޅުމަކީ ކޯޓުތަކުގެ ޤާނޫނާ ޚިލާފު ކަމެކެވެ؛ މައުޟޫޢީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުނުކޮށް ވަކިކޮށްފައިވާނަމަ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ނަޖްވާ ނަސީމު
- ބެންޗު
- ޙުޒައިފާ މުޙައްމަދު، މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުޒައިފާ މުޙައްމަދު · ތާއީދުކުރެއްވީ: މުޙައްމަދު ފައިޞަލް، ޙަސަން ޝަފީޢު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2021/HC-A/198
އިސްތިއުނާފުކުރި ފަރާތް: ސިވިލް ސަރވިސް ކޮމިޝަން
އިސްތިއުނާފު ރައްދުވި ފަރާތް: ޙަސަން ޝިޔާމް އިރުދޭމާގެ / ހއ.ހޯރަފުށި
މައްސަލައިގެ ބާވަތް:ވަޒީފާއާބެހޭ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދު
ފަނޑިޔާރު މުޙައްމަދު ފައިޞަލް
ފަނޑިޔާރު ޙަސަން ޝަފީޢު
އިސްތިއުނާފުކުރެވުނު މައްސަލަ:
ނަންބަރު: 86/VTR/2019
ނިންމި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް
ބާވަތް: ވަޒީފާއާބެހޭ
ހުށަހެޅުނު ތާރީޚް: 09 މެއި 2019 ނިމުނު ތާރީޚް: 06 މެއި 2021
އިސްތިއުނާފުކުރި ފަރާތް އިސްތިއުނާފު ރައްދުވި ފަރާތް
ސިވިލް ސަރވިސް ކޮމިޝަން ޙަސަން ޝިޔާމް، އިރުދޭމާގެ. ހއ.ހޯރަފުށި
ޤާނޫނީ ވަކީލު: ސީނިއަރ އެޓާރނީ އަލްއުސްތާޛް އާޔަތުﷲ ޙުސައިން، ސިވިލް ސަރވިސް ކޮމިޝަނުގެ އެޓާރނީ އަލްއުސްތާޛާ ސަދްފާ ފަތުޙީ ޤާނޫނީ ވަކީލު: އަލްއުސްތާޛާ ނަޖްވާ ނަސީމް
ވަޒީފާއާގުޅޭ- ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)ގެ 32،43 ވަނަ މާއްދާ
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1ހއ.ހޯރަފުށި އިރުދޭމާގެ ޙަސަން ޝިޔާމް (ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A148630) (މީގެ ފަހުން "ޙަސަން ޝިޔާމް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") ސިވިލް ސަރވިސް ކޮމިޝަނުގައި (މީގެ ފަހުން "ސިވިލް ސަރވިސް ކޮމިޝަން" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ވަޒީފާއަދާކުރަން ފަށާފައިވަނީ 30 ޖަނަވަރީ 2011ގައެވެ. 10 ޖަނަވަރީ 2019 ގައި ޙަސަން ޝިޔާމް ވަޒީފާއިން ވަކިވުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅާފައިވީނަމަވެސް، އެ ސިޓީއާ ޙަވާލާދީ، ޙަސަން ޝިޔާމް ވަޒީފާއިން ވަކިވުމަށް އެދުނު އެދުން ބާޠިލްކޮށްދިނުމަށް އެދި 14 ޖަނަވަރީ 2019 އާއި 17 ޖަނަވަރީ 2019 ގައި ސިވިލް ސަރވިސް ކޮމިޝަނަށް ޙަސަން ޝިޔާމް ސިޓީ ހުށަހަޅާފައިވަނިކޮށް، ސިވިލް ސަރވިސް ކޮމިޝަންގެ ވަޒީފާއިން ޙަސަން ޝިޔާމް ވަކިކުރަން ނިންމިކަން 17 ޖަނަވަރީ 2019ގައި އަންގައި، 12 ފެބްރުއަރީ 2019ގައި ވަޒީފާއިން ވަކިކޮށްފައިވެއެވެ. ޙަސަން ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓާރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ކޮންވެންޝަން 1982 ގެ 158 ވަނަ ނަންބަރާއި ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ކަނޑައަޅައިދިނުމަށާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް ޙަސަން ޝިޔާމް އަނބުރާ އިއާދަކޮށްދިނުމަށް ކަނޑައަޅައިދިނުމަށާއި، ޙަސަން ޝިޔާމް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކޮށްދިނުމަށް ކަނޑައަޅައިދިނުމަށާއި، ޙަސަން ޝިޔާމް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކުރުމާއި ހަމައަށް ޙަސަން ޝިޔާމްއަށް ލިބެންޖެހޭ މުސާރައާއި އެންމެހައި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅައިދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތް ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ވަޒީފާ އަނބުރާ އިއާދަވުމާއި ހަމައަށް ކޮންމެ މަހަކަށް -/11,500ރ. (އެގާރަހާސް ފަސްސަތޭކަ ރުފިޔާ) ނަގައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 09 މެއި 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ޙަސަން ޝިޔާމް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ޓްރައިބިއުނަލުން ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2019 މައްސަލައިގެ ގޮތުގައެވެ.
2މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2019 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކޮށްދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލެވިފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޙަސަން ޝިޔާމްއެވެ.
މައްސަލައިގެ ކަންހިނގާފައިވާ ގޮތް
330 ޖަނަވަރީ 2011 އިން ފެށިގެން ޙަސަން ޝިޔާމް ވަޒީފާއަދާކުރަމުން ދިޔައީ ސިވިލް ސަރވިސް ކޮމިޝަންގައެވެ. ޙަސަން ޝިހާމް ވަޒީފާއިން ވަކިކޮށްދިނުމަށްއެދި 10 ޖަނަވަރީ 2019 ގައި ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވެއެވެ. އެސިޓީގައިވަނީ އަންނަނިވި އިބާރާތެވެ.
" 13 ޖަނަވަރީ 2019 އިން ފެށިގެން 20 ޖަނަވަރީ 2019 އަށް އަޅުގަނޑު ޗުއްޓީ ހަމަޖައްސަވައި ދެއްވައި، އެއަށްފަހު އަޅުގަނޑު ވަޒީފާއިން ވަކިކޮށްދެއްވުން އެދޭ ވާހަކަ ދަންނަވާލީމެވެ. މިގޮތަށް މި ދަންނަވާލީ، އަޅުގަނޑު ދައުލަތުގެ އެހެން ވަޒީފާއަކަށް ބަދަލުވުމަށްޓަކައެވެ."
4އަދި އޭގެ ފަހުން 14 ޖަނަވަރީ 2019 ގައި ޙަސަން ޝިހާމްގެ ފަރާތުން 10 ޖަނަވަރީ 2019 ގެ ސިޓިއާ ޙަވާލާދީ އިތުރު ސިޓީއެއް ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވާފައިވެއެވެ. އެ ސިޓީގައިވަނީ އަންނަނިވި އިބާރާތެވެ.
"2019 ޖަނަވަރީ 10 ވަނަ ދުވަހު އަޅުގަނޑު ވަޒީފާއިން ވަކިކޮށްދެއްވުމަށް އެދި ކޮމިޝަނަށް ހުށަހަޅާފައިވާ ހުށަހެޅުމާއި ގުޅިގެން ދަންނަވަމެވެ. ޗުއްޓީ ހަމަވުމާއެކު ވަޒީފާއިން ވަކިކޮށްދެއްވުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން އަދި މަޑުޖައްސާލަދިނުމަށް އެދޭ ވާހަކަ ދެންނެވީމެވެ."
5އިސްވެ ބަޔާންކުރަނިވި 10 ޖަނަވަރީ 2019 ގެ ސިޓީއާއި 14 ޖަނަވަރީ 2019 ގެ ސިޓީއަށް ޖަވާބުދިނުމުގެ ގޮތުން ސިވިލް ސަރވިސް ކޮމިޝަނުން 16 ޖަނަވަރީ 2019 ގައި ޙަސަން ޝިޔާމްއަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި ބަޔާންކުރަނީ އަންނަނިވި ފަދައިންނެވެ.
"ކޮމިޝަނުގެ އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް މަޤާމުން ވަކިވުމަށް އެދި ތިޔަ ފަރާތުން 2019 ޖަނަވަރީ 10 ގައި ހުށަހަޅުއްވާފައިވާ ހުށަހެޅުމާއި، އެ ހުށަހެޅުން މަޑުޖައްސާލުމަށް އެދި 2019 ޖަނަވަރީ 15 ގައި ކޮމިޝަނަށް ފޮނުވާފައިވާ ސިޓީ ވަނީ ކޮމިޝަނުގެ 1623 ވަނަ ބައްދަލުވުމަށް ހުށަހަޅައި މަޝްވަރާކުރެވިފައެވެ. މި ބައްދަލުވުމުގައި، އެޑްމިނިސްޓްރޭޓިވް އެގްޒެކެޓިވް މަޤާމުން ވަކިވުމަށް އެދި ތިޔަ ފަރާތުން ހުށަހަޅުއްވާފައިވާ ހުށަހެޅުން ބަލައިގަތުމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އަދި ސިޓީގައި އެދިލައްވާފައިވާ ގޮތަށް އަހަރީ ޗުއްޓީ ހަމަޖެހިގެންދާނީ، ތިޔަ ފަރާތާއި ޙަވާލުކުރެވި ނުނިމިހުރި މަސައްކަތްތައް ފުރިހަމަކޮށް، ވޯކް ހޭންޑްއޯވަރ ފުރިހަމަކުރުމުން ކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ."
6މި ސިޓީއާ ޙަވާލާދީ ޙަސަން ޝިޔާމް 28 ޖަނަވަރީ 2019ގައި ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި ވަނީ 10 ޖަނަވަރީ 2019ގައި ޙަސަން ޝިޔާމް ފޮނުވި ސިޓީ ބާޠިލުކުރުމަށް އެދޭކަން 16 ޖަނަވަރީ 2019ގައި ފޮނުވި ސިޓީގައި ބަޔާންކޮށްފައިވާކަމަށާއި، މި ސިޓީއިންވެސް ޙަސަން ޝިޔާމް އެދެނީ 10 ޖަނަވަރީ 2019ގައި ޙަސަން ޝިޔާމް ފޮނުވި ސިޓީ ބާޠިލުކުރުމަށްކަން ޙަސަން ޝިޔާމް ބަޔާންކޮށްފައިވެއެވެ.
7މި ސިޓީއާ ޙަވާލާދީ ސިވިލް ސަރވިސް ކޮމިޝަނުން 30 ޖަނަވަރީ 2019ގައި ޙަސަން ޝިޔާމްއަށް ފޮނުވާފައިވާ ސިޓީގައިވަނީ "...ޙަވާލާދެވުނު ސިޓީތަކުން ވަޒީފާއިން ވަކިވާން އެދި ފޮނުވި ސިޓީތައް ބާޠިލްކޮށް ދެއްވުމަށް އެދުނު ނަމަވެސް، ކޮމިޝަނުގެ 1626 ވަނަ ބައްދަލުވުމުން (29 ޖަނަވަރީ 2019) ނިންމަވާފައިވަނީ، ޙަސަން ޝިޔާމުގެ އެދުމުގެ މަތިން ކޮމިޝަނުގެ ވަޒިފާއިން ވަކިކުރުމަށް ނިންމި ނިންމުން ބަދަލުނުކުރުމަށާއި، މަސައްކަތް ނިންމުމަށް 7 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު، އަހަރީޗުއްޓީގެ ބާކީ ދުވަސްތައް ދިނުމަށް ފަހު، ވަޒީފާއިން ވަކިކުރުމަށެވެ..." މިފަދައިންނެވެ.
8ސިވިލް ސަރވިސް ކޮމިޝަނުން 12 ފެބުރުވަރީ 2019 ގައި ޙަސަން ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވެއެވެ. ވަޒީފާއިން ވަކިކުރި ސަބަބުގެ ގޮތުގައި ފާހަގަކޮށްފައިވަނީ "އެދިވަޑައިގަތުން" ކަމަށެވެ.
9ޙަސަން ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ޓަރމިނޭޝަން އޮފް އެމްލޯއިމަންޓް ކޮންވެންޝަން 1982 ގެ 158 ވަނަ ނަންބަރާއި، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށް ކަނޑައަޅައިދިނުމަށާއި، ސިވިލް ސަރވިސް ކޮމިޝަންގެ ވަޒީފާއަށް ޙަސަން ޝިޔާމް އަނބުރާ އިއާދަކޮށްދިނުމަށް ކަނޑައަޅައިދިނުމަށާއި، ޙަސަން ޝިޔާމް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކުރުމާއި ހަމައަށް މައްސަލަ ހުށަހެޅި ފަރާތަށް ލިބެންޖެހޭ މުސާރައާއި، އެންމެހައި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅައިދިނުމަށާއި، މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށް ކަނޑައަޅައިދިނުމަށާއި، ޙަސަން ޝިޔާމް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިއާދަކުރުމާއި ހަމައަށް ޙަސަން ޝިޔާމްއަށް ލިބެންޖެހޭ މުސާރައާއި، އެންމެހައި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅައިދިނުމަށާއި، ޙަސަން ޝިޔާމް ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ވަޒީފާ އަނބުރާ އިއާދަވުމާއި ހަމައަށް ކޮންމެ މަހަކަށް 11,500/-ރ. (އެގާރަހާސް ފަސްސަތޭކަ ރުފިޔާ) ނަގައިދިނުމަށް ޙަސަން ޝިޔާމް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހަޅާފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމިގޮތް:
10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2019 މައްސަލަ ބަލައި، އެމައްސަލާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ،
"ދެންފަހެ، ހއ.ހޯރަފުށި، އިރުދޭމާގެ، ޙަސަން ޝިޔާމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A148630) ގެ ފަރާތުންނާއި މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި، މައްސަލައިގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ދީފައިވާ ބަޔާންތަކަށާއި، ހެކީގެ ހެކިބަހަށް ރިޢާޔަތްކޮށް ބެލިއިރު، ޙަސަން ޝިޔާމް 30 ޖަނަވަރީ 2011 އިން ފެށިގެން ސިވިލް ސަރވިސް ކޮމިޝަނުގައި ވަޒީފާ އަދާކުރަމުންގޮސް 10 ޖަނަވަރީ 2019 ގައި ޙަސަން ޝިޔާމް ވަޒީފާއިން ވަކިވުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައި، އެސިޓީއާއި ހަވާލާދީ ސިވިލް ސަރވިސް ކޮމިޝަނުން ޙަސަން ޝިޔާމަށް ޖަވާބުދާރީވުމުގެ ކުރިން، ޙަސަން ޝިޔާމް ވަޒީފާއިން ވަކިވުމަށް އެދުނު އެދުން ބާޠިލްކޮށްދިނުމަށް އެދި 14 ޖަނަވަރީ 2019 ގައި އާއި 17 ޖަނަވަރީ 2019 ގައި ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީ ހުށަހަޅާފައިވަނިކޮށް، ސިވިލް ސަރވިސް ކޮމިޝަނުގެ ވަޒީފާއިން ޙަސަން ޝިޔާމް ވަކިކުރަން ނިންމިކަން 17 ޖަނަވަރީ 2019 ގައި އަންގައި، 12 ފެބުރުވަރީ 2019 ގައި ވަޒީފާއިން ވަކިކޮށްފައިވާތީ، ޙަސަން ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން ގެ ޓަރމިނޭޝަން އޮފް އެމްޕްލޯއިމަންޓް ކޮންވެންޝަން 1982 ގެ 158 ވަނަ ނަންބަރާއި، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) އާއި ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ކަނޑައަޅައިދިނުމަށާއި، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއަށް މައްސަލަ ހުށަހެޅި ފަރާތް އަނބުރާ އިޢާދަކޮށްދިނުމަށް ކަނޑައަޅައިދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ އިޢާދަކުރުމާއި ހަމައަށް މައްސަލަ ހުށަހެޅި ފަރާތައް ލިބެންޖެހޭ މުސާރައާއި އެންމެހައި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅައިދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތް ކުއްލިގޮތަކަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ވަޒީފާ އަނބުރާ އިޢާދަވުމާއި ހަމައަށް ކޮންމެ މަހަކަށް -/11,500ރ. (އެގާރަހާސް ފަސްސަތޭކަ ރުފިޔާ) ނަގައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަނަށް ރައްދުވާގޮތަށް 09 މެއި 2019 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މި މައްސަލައިގައި،
މައްސަލަ ހުށަހެޅި ފަރާތް 10 ޖަނަވަރީ 2019 ގައި ވަޒީފާއިން ވަކިކޮށްދިނުމަށް އެދިފައިވާ އެދުން ޤަބޫލުކޮށްފައިވާކަން އެންގުމަކާނުލައި އެ އެދުމާ ގުޅިގެން ޖަވާބެއްނުދީވަނިކޮށް، 14 ޖަނަވަރީ 2019 ގައި މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާއިން އެފަރާތް ވަކިކޮށްދިނުމަށް އެދިފައިވާ އެދުން އަނބުރާ ގެންދިޔަ ހިނދުން ފެށިގެން، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމަށް އެދިފައިވާ ހާލަތު ނެތިގެން ގޮސްފައިވާކަމާއި، ވުޖޫދުގައި ނުވާ ޙާލަތެއްގެ މައްޗަށް ބިނާކޮށް މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަނުން މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ކޮން އުޞޫލަކުން ނުވަތަ ކޮން ހަމައަކުން، ކޮން ސަބަބެއް މެދުވެރިވެގެންކަން ސާބިތުކޮށްދީފައިނުވާކަމާއި، އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތް އެފަރާތުގެ ވަޒީފާއިން ވަކިކުރުމަށް ޚިޔާރުކޮށްފައިވާ އަސާސަކީ އަދަލުވެރި އަސާސެއް ނޫންކަމަށް ބުރަވެވޭ ސަބަބަށްޓަކައި މައްސަލަ ހުށަހެޅި ފަރާތް އަދާކުރަމުންދިޔަ ވަޒީފާއިން އެފަރާތް ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަން (substantive fairness) އަދި އިޖުރާއީ އަދަލުވެރިކަން (prodedural fairness) ޤާއިމުކުރުމެއްނެތި ކަމަށް ބުރަވެވޭ ސަބަބަށްޓަކައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ކުރުމަކީ އަންފެއަރ ޑިސްމިސަލް (unfair dismissal) އެއްގެ ގޮތުގައި ކަނޑައަޅައި،
މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމުގައި ބުރަވެވެން ނެތަތީ، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާ އަދާކުރަމުންދިޔަ މަޤާމަށް މައްސަލަ ހުށަހެޅި ފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ އެއްވެސް ޙާލަތެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ދުވަހުން ފަށައިގެން، އޭނައަށް އަނބުރާ ވަޒީފާ ދިން ދުވަހާ ހަމައަށް، މައްސަލަ ހުށަހެޅި ފަރާތް މައްސަލަ ރައްދުވި ފަރާތުގެ ބުނެވިދިޔަ ވަޒީފާގައި ހުރިނަމަ، ލިބޭނެ މުސާރައާއި ޢިނާޔަތްތައް (1441 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ހިމެނޭ ގޮތުގެ މަތިން) އެކީ އެއްފަހަރާ ދިނުމަށް ކަނޑައަޅައި،
އިސްވެ ބަޔާންކުރެވުނު އެންމެހާ ކަންތައްތައް މިއަދު (06 މެއި 2021) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ތަންފީޛުކުރުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މައްސަލަ ރައްދުވި ސިވިލް ސަރވިސް ކޮމިޝަމަށް އަންގާ އަމުރުކޮށް، މި މައްސަލަ ނިންމައިފީމެވެ."
މިފަދައިންނެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅި ނުކުތާތައް
11ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2019 މައްސަލަ ނިމިފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއެއްގޮތް ނުވާކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފު ކުރުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި 02 ނުކުތާއެވެ. އެގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:
ޙަސަން ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށްކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2019 މައްސަލައިގައި ކަނޑައަޅާފައިވަނީ، މި މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައިވާ ލިޔުންތަކާއި ފާހަގަކޮށްފައިވާ ނުކުތާތަކުގައި ބަޔާންކޮށްފައިވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކުރުމަކާ ނުލައިކަމަށް ބުނެ ހުށަހެޅި ނުކުތާއާއި،
ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާއާއި އަދި ސުޕްރީމް ކޯޓުގެ 2019/SC-A/27 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލުން ބޭރުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
12ފުރަތަމަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށްފަހުގައި ކަމަށާއި، އެގޮތުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެހެން ވަޒީފާއަކަށް ބަދަލުވުމަށްޓަކައި އެފަރާތުން ސިވިލް ސަރވިސް ކޮމިޝަނުގައި އެދުމުންކަމަށެވެ. މިގޮތުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފައިން ވަކިވުމަށް 10 ޖަނަވަރީ 2019 ގައި އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާ އެދުމުގެ މައްޗަށް ކަމަށެވެ. އަމިއްލައަށް ވަޒީފާއިން ވަކިވުމަށް އެދުމުން ވަޒީފާއިން ވަކިކުރާ މައްސަލަތަކުގައި އާންމުކޮށް ރިޢާޔަތްކުރާ މައުޟޫއީ އަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ބެލުމުގެ ފުރުޞަތު އިސްތިއުނާފު ރައްދުވާ ފަރާތުން އަމިއްލައަށް ދޫކޮށްލާފައިވާ ކަމަށް ބަލަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/216 ޤަޟިއްޔާގައި ބަޔާންކޮށްފައިވާކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިވުމަށް އެދިފައިވަނީ އަމިއްލަ އިޚްތިޔާރުން ކަމުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާކަމަށެވެ.
13މިނުކުތާ އިތުރަށް ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ 14 ޖަނަވަރީ 2019ގައި އިސްތިއުނާފު ރައްދުވާ ފަރާތުން ހުށަހެޅި ސިޓީގައި، އެ ފަރާތް ވަޒީފާއިން ވަކިކުރުން މަޑުޖައްސާލުމަށް އެދިފައިވީނަމަވެސް، އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުން އަނބުރާ ގެންދިޔަކަން ނުވަތަ އެ ހުށަހެޅުން ބާޠިލުކުރިކަން މި ސިޓީގައި ބަޔާންކޮށްފައިނުވާއިރު، އެކަމަށް ރިޢާޔަތްނުކޮށް މައްސަލަ ނިންމާފައިވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރެއެވެ. އަދި މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޤާނޫނާއި ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ފަރާތެއް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/216 ޤަޟިއްޔާ އިން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމަށެވެ.
14ދެވަނަ އިސްތިއުނާފީ ނުކުތާ ތަފްޞީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ އެއްވެސް ޙައްލެއް ހޯދައިދެވޭނީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމަށް ސާބިތުވާ ޙާލަތުގައިކަމަށްވާއިރު، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިވުމަށް އެދިފައިވަނީ އަމިއްލައަށް އެދިގެން އަމިއްލަ އިޚްތިޔާރުގައިކަމުން، ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވާކަމަށް ބަލަންޖެހޭ ކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރަން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ބަދަލެއްގެ ގޮތުގައި މުސާރައާއި ޢިނާޔަތް ނަގައިދިނުމަށް އަމުރުކޮށްފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާއާއި އަދި ސުޕްރީމް ކޯޓުގެ 2019/SC-A/27 ޤަޟިއްޔާއިން ވަޒީފާއަދާ ކުރާ ފަރާތަށް ބަދަލު ދިނުމުގައި ކަށަވަރުކުރަންޖެހޭ ކަމަށް ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލުން ބޭރުން ކަމަށެވެ.
15އިސްތިއުނާފުކުރާ ފަރާތުން އެދެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2019 މައްސަލައިގައި، ނިންމާފައިވާ ނިންމުން ބާޠިލްކަމަށް ކަނޑަޅައި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދާއި އެއްގޮތަށްކަމަށް ކަނޑައަޅައި، ފައިޞަލާކުރަނިވި ޙުކުމެއް ކޮށްދިނުމަށެވެ.
އިސްތިއުނާފީ ނުކުތާތަކުގެ ރައްދު
އިޖުރާއީގޮތުން ފާހަގަކުރާ ކަންކަން
16ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުމެއް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ، އިސްތިއުނާފުކުރާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވިގެން އެކަން ފާހަގަކޮށް ހުށަހެޅުމުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ކަންކަން ހުރުމުންކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) އިން އެނގޭއިރު، އިސްތިއުނާފުކުރާ ފަރާތުގެ ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ގޮތުގައި، ހަމައެކަނި ޙަސަން ޝިޔާމް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްގެންކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމުގައި މި މައްސަލާގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ފާހަގަކޮށްފައިވާ ނުކުތާތަކުގައިވާ ކަންކަމަށް ފުރިހަމައަށް ރިޢާޔަތްކޮށްފައިނުވާކަމަށް ބަޔާންކުރުމަށްފަހު، އެ ނިންމުން ޤާނޫނާއި ޚިލާފުވާގޮތެއް ނުވަތަ އެ މައްސަލަ ނިންމުމުގައި ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ބަޔާންކޮށްފައިނުވުމުން، މި މައްސަލައަކީ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ކަނޑައަޅާފައިވާ ޙާލަތެއް އޮވެގެން އިސްތިއުނާފުކޮށްފައިވާ މައްސަލައަކަށްނުވާތީ، މި މައްސަލައަކީ މި ކޯޓަށް ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއް ނޫންކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
17ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/19 ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާއި ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/41 މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގައި ދަށު ކޯޓުގެ މަރުޙަލާއަކީ ފެކްޓްސް އެސްޓެބްލިޝްކުރާ މަރުޙަލާކަން އަދި މަތީ މަރުޙަލާގައި ބަލާނީ ދަށު ކޯޓުން ނިންމާ ނިންމުމުގައި ހުންނަ އައިބުތައްކަމަށް ކަނޑައަޅާފައިވުމާއި، އަދި ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/66 މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ ޤަޟިއްޔާގައި އިސްތިއުނާފީ މަރުޙަލާގައި އައު ނުކުތާ ހުށަހެޅުމުން އެ ނުކުތާއަކީ ކުރިން ހުށަހެޅިފައިނުވާ ނުކުތާއެއްކަމުގައިވާތީ އަދި އެއީ ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި އެއްވެސް ވަރަކަށް ވާހަކަ ދެކެވިފައިވާ ނުކުތާއެއް ކަމުގައި ނުވާތީއާއި އެ ނުކުތާއާ ގުޅިގެން ސުޕްރީމް ކޯޓުން ގޮތެއް ނިންމައިފިނަމަ އެ ނުކުތާ އިސްތިއުނާފީ އެއްވެސް މަރުޙަލާއެއްގައި ބަހުސްކުރުމުގެ ފުރުޞަތު ލިބިގެންނުދާނެތީ އެ ނުކުތާ ބަލައިނުގަތުމަށް ކަނޑައަޅާފައިވާތީ، އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ އިސްތިއުނާފީ ނުކުތާގެ ގޮތުގައި، ގެއްލުމުގެ ބަދަލު ކަނޑައެޅުމުގައި އިސްތިއުނާފު ރައްދުވާ ފަރާތް އެހެން ވަޒީފާއެއް އަދާކޮށްފައިވާކަމަށް ޓްރައިބިއުނަލްގައި ފާހަގަކުރުމަކާނުލައި އެކަން ހައިކޯޓުގައި ފުރަތަމަ ފަހަރަށް ފާހަގަކުރުމަކީ އިސްވެ ބަޔާންކުރަނިވި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކުން ކަނޑައަޅުއްވާފައިވާ އުޞޫލުތަކާ ޚިލާފަށް ފާހަގަކޮށްފައިވާ ކަމަކަށްވާތީ، މި ނުކުތާއަކީ މި ކޯޓަށް ބަލައިގަނެ ގޮތެއް ކަނޑައަޅަންޖެހޭ ކަމެއް ނޫންކަން ފާހަގަކޮށްފައިވެއެވެ.
މައުޟޫއީގޮތުން ހުށަހަޅާ ރައްދު
18އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށާއި ފާހަގަކޮށްފައިވާ ކަންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، ޓްރައިބިއުނަލްގެ ނިންމުމަކީ ޤާނޫނީގޮތުން ބަލަންޖެހޭ ކަންކަން ފުރިހަމައަށް ބެލުމަށްފަހު އެ ޤާނޫނީ އުޞޫލުތައް ރަނގަޅަށް ތަޠުބީޤުކުރުމަށްފަހު ނިންމާފައިވާ ނިންމުމެއްކަމަށާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/216 ޤަޟިއްޔާއަށް އިސްތިއުނާފުކުރާ ފަރާތުން ޙަވާލާދީފައިވާއިރު، މި ވާހަކައަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ވާހަކައެއްނޫންކަމަށާއި، ބަހުސްގެ ބޭނުމަށް މި ޤަޟިއްޔާ މި މައްސަލައަށް ތަޠުބީޤުކުރިނަމަވެސް، ދެ މައްސަލައިގެ ވާޤިއާ ތަފާތުކަމުގައި އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތުގެ ނަންބަރު 188-SHRD/MIS/2019/35 (16 ޖަނަވަރީ 2019) ސިޓީއަށް ރިޢާޔަތްކޮށްފައިނުވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބަޔާންކޮށްފައިވީނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ 9.2 ގައި އެ ސިޓީއަށް ރިޢާޔަތްކޮށްފައިވާކަމަށެވެ.
19ދެވަނަ އިސްތިއުނާފީ ނުކުތާގައި އިސްތިއުނާފު ރައްދުވާ ފަރާތަށް މުސާރައާއި ޢިނާޔަތް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާއާއި އަދި ސުޕްރީމް ކޯޓުގެ 2019/SC-A/27 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފުވެފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީނަމަވެސް، ޚިލާފުވެފައިވަނީ ކޮން އުޞޫލުތަކާކަން ބަޔާންކޮށްފައިނުވާކަމަށާއި، މިއީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދައްކާފައިވާ ވާހަކައެއްނޫންކަމަށާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ 12.2 ވަނަ ނަންބަރަށް ބެލުމުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ލިބިދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ބަޔާންކުރަނިވި ނައްސުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި އެއްގޮތަށްކަން އެނގޭކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
20އިސްތިއުނާފު ރައްދުވާ ފަރާތުން އެދެނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 89/VTR/2019 މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، ވަޒީފާ އަނބުރާ އިއާދަކުރުމަށާއި، މުސާރައާއި ޢިނާޔަތްތައް ނަގާދީފައިވާ ނިންމުން ބަދަލުކުރަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅާ މައްސަލަ ޙުކުމެއް ކޮށްދިނުމަށެވެ.
ފުރަތަމަ އިސްތިއުނާފީ ނުކުތާ: ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކާއި ފާހަގަކޮށްފައިވާ ކަންކަމަށް ރިޢާޔަތްނުކޮށް ކަމުގައި ބުނެ ހުށަހެޅި ނުކުތާ
21HN1މި އިސްތިއުނާފީ ނުކުތާއާއި ގުޅޭ ގޮތުން އިޖުރާއީ ނުކުތާއެއްގެ ގޮތުގައި ޖުމްލަކޮށް އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ ދަށު ކޯޓުގެ ޙުކުމްތައް ނުވަތަ ޓްރައިބިއުނަލްގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙާލަތްތަކެވެ. މި ނުކުތާގައި އިސްތިއުނާފު ރައްދުވާ ފަރާތުން ފާހަގަކޮށްފައިވާ ފަދައިން، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައިވާ ގޮތުގެ މަތިންނެވެ. މިގޮތުން، މި މާއްދާގެ ދަށުން ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭނީ:
(ހ) އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުމުން؛
(ށ) ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.
(1) އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވުން.
(2) ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީ ގޮތުން ހުރަސްއަޅާ ފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުން.
(3) ޙުކުމުގައި ނުވަތަ ނިންމުމުގައި ޙުކުމް ކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރު ނުވަތަ ނިޔާވެރިޔާގެ ސޮއި ނެތުން.
(4) ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބު ބަޔާންވެފައި ނެތުން
މި ސަބަބުތަކުން ކުރެ ސަބަބެއްގެ މައްޗަށެވެ. މި ސަބަބުތައް ވަނީ ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވެސް ތަކުރާރުކޮށްފައެވެ. ދަށު ކޯޓުތަކާއި ނިންމުންތައް އިސްތިއުނާފުކުރެއްވިއްޖެނަމަ، އިސްތިސްނާ ޙާލަތްތަކުގައި މެނުވީ، ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލައެއް ބަލައި ފައިސަލާކުރާނީ ދަށު ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ. މިކަމުން އެނގެނީ މި ކޯޓަށް އިސްތިއުނާފީ މައްސަލަތައް ބެލުމުގައި ޤާނޫނުން ލިބިދީފައިވާ ބާރަކީ މަޙްދޫދުކުރެވިފައިވާ ބާރުތަކެއްކަމެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ބެލުމުން، މައްސަލަތައް އިސްތިއުނާފުކުރުމާއި އެ މައްސަލަ ހިންގުމުގައި ޤައިދުކުރުންތަކެއް ހުރިކަން އެނގިގެންދެއެވެ.
22HN2ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުން އިއްވާ ޙުކުމްތަކާއި ނެރޭ އަމުރުތައް އިސްތިއުނާފަށް ހުށަހެޅުމުގެ ޙައްޤަކީ އެ މައްސަލައަކާ ގުޅުން ހުރި ނުވަތަ އެ މައްސަލައިގެ މަޞްލަޙަތު ހިމެނޭ ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީއިން ލިބިދީފައިވާ ޙައްޤެއްކަމުގައިވީނަމަވެސް، އިސްތިއުނާފުކުރުމުގެ ޙައްޤު އޮތުމުގެ މާނައަކީ، ތިން މަރުޙަލާގެ ކޯޓުތަކުން ތިން ފަހަރު އެއް މައްސަލައެއް އަލުން ބެލުމެއް ނޫނެވެ. އެއާ ޚިލާފަށް އިސްތިއުނާފުކުރުމުގެ ޙައްޤު އުފަންވާނީ އެއް މަރުޙަލާއިން މައްސަލައެއް ބެލުމުގެ ތެރޭގައި ޢަމަލުކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއްގެ މައްޗަށް ބިނާވެގެންނެވެ.
23HN3ޝަރީޢަތުގެ ފުރަތަމަ މަރުޙަލާގައި އިއްވާ ޙުކުމްތައް ނުވަތަ ނިންމާ ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްޓަކައި އިސްތިއުނާފުކުރާ ފަރާތުން ގިރާކުރަންޖެހޭ ޤާނޫނީ އޮޅިގަނޑު ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލައިގައި އަންނަނިވި ފަދައިން ބަޔާންކޮށްފައިވެއެވެ.
" ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއަށް ބަލާއިރު، މައްސަލަ ބަލާ ފަނޑިޔާރު ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައިނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ދަށު ކޯޓުން މައްސަލަ ނިންމަވާފައިވަނީ ތިމަންނަގެ ހައްގު ގެއްލޭގޮތަށް ކަމަށް ހަމައެކަނި ބުނާބުނުމަކުން ނުވަތަ އަދުލު އިންސާފަށް ހުރަސް އެޅޭގޮތަށް ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމުގެ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާ ބުނުމަށްވުރެ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާބުނުމުގެ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާބުނުމުގެ އިތުރުކަމެއް އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ކޯޓަށް ސާފުކޮށްދޭންވާނެއެވެ. ގާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ބުނާނަމަ ނުވަތަ ރިއާޔަތްކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށްފައި ނުވާކަމަށް ބުނާނަމަ ނުވަތަ ހައްގުތައް ގެއްލިފައިވާ ކަމަށް ބުނާނަމަ ނުވަތަ އިންސާފަށް ހުރަސް އެޅިފައިވާ ކަމަށް ބުނާނަމަ އެކަމުގައި އުފެދޭ ގާނޫނީ ބަހުސަކީ ކޮބައިކަން އެ ނުކުތާގައި އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފަރާތުން ސާފުކޮށް ބުނަންވާނެއެވެ."
24ބަޔާންކުރަނިވި ކަންކަމުގެ އަލީގައި، މައްސަލަ ބަލާ ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން ނުވަތަ ރިޢާޔަތް ކުރަންޖެހޭ މިންވަރަށް ހެކިތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން، ނުވަތަ ތިމަންނަގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނާބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭނެއެވެ.
25މައްސަލައެއްގެ ޙުކުމެއް ނުވަތަ ނިންމުމެއް އިސްތިއުނާފުކުރެވޭ ޢާންމު އުޞޫލުތަކުގެ ޚުލާޞާ އަކީ، އެ ޙުކުމް ނުވަތަ ނިންމުން ޤާނޫނާ ޚިލާފުވި ކަމަށް ބެލެވޭ ސަބަބެއް އޮތުމެވެ. އެއީ، އެ ނިންމުމަށް ވާސިލުވުމުގައި ޤާނޫނު ތަޠުބީޤު ކުރުމުގައި ނުވަތަ މާނަ ކުރުމުގައި ނަމަވެސް، އެ ކޯޓަށް ކުށެއް ހެދިފައި އޮތުމެވެ. ނުވަތަ ނިންމުމުގެ ކުރިއަށް އިޖުރާއީ އައިބެއް ކުރިމަތިވުމެވެ. މިއިން ކޮންމެ ކަމެއް ކުރިމަތިވި ނަމަވެސް، ޢާންމު ގޮތެއްގައި އެކަން ކޯޓުގެ ނިންމުމުން ފެންނަން އޮންނާނެ އެވެ. ނުވަތަ އެކަމަކާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ފުރުޞަތު މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ލިބިފައި އޮންނާނެއެވެ. މިގޮތުން މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެތައް މައްސަލައެއްގައި ފާހަގަކޮށްފައިވެއެވެ.
26HN5މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ސިވިލް ސަރވިސް ކޮމިޝަންގެ ނަންބަރު 188-SHRD/MIS/2019/35 (16 ޖަނަވަރީ 2019) ސިޓީއާ ޙަވާލާނުދޭ ވާހަކައާއި، އަދި އިސްތިއުނާފު ރައްދުވާ ފަރާތުން 10 ޖަނަވަރީ 2019 ގައި ވަޒީފާއިން ވަކިވުމަށް ފޮނުވާފައިވާ ސިޓީ އަނބުރާ ގެންދިޔުމަށް ނުވަތަ ބާޠިލުކުރަން ބޭނުންވާކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތުން 14 ޖަނަވަރީ 2019 ގައި ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިނުވާއިރު، އެކަމަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 9.2 ވަނަ ނުކުތާގައި ބަޔާންކުރަނިވި ސިޓީއަށް ޙަވާލާދީ، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއިން ވަކިވާން އެދުނު އެދުން މަޑުޖައްސާލުމަށް ހުށަހެޅި ހުށަހެޅުމާއި ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ސާފުކުރަންޖެހޭ ބައެއް މަޢުލޫމާތު ސާފުކޮށްފައިވާކަން 16 ޖަނަވަރީ 2019 ގެ ސިޓީއިން އެނގޭކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތުން 3 (ތިނެއް) ފަހަރެއްގެ މަތިން ސިޓީ މެދުވެރިކޮށް ވަޒީފާއިން ވަކިވާން ބޭނުންނުވާކަން އަންގާފައިވާއިރު، މިކަން އިސްތިއުނާފު ކުރާ ފަރާތުން ބަލައިގަނެފައިނުވާ ސަބަބު އެ ފަރާތުން އެއްވެސް ސިޓީއެއްގައި ބަޔާންކޮށްފައިނުވާކަމުގައި މި ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ތަފްޞީލުކޮށްފައިވެއެވެ. އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުމުގައި މި ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން އެނގެއެވެ.
27HN4މިފަދަ މައްސަލަތަކުގައި ދުނިޔޭގެ ތަރައްޤީވެފައިވާ މުޖުތަމަޢުތަކުގައި ޢަމަލުކުރަމުންދާ އުޞޫލުތަކަށް ރިޢާޔަތްކޮށްފައިނުވާކަމަށާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/24 ޤަޟިއްޔާއާއި މި ކޯޓުގެ ނަންބަރު 2011/HC-A/134 ޤަޟިއްޔާއާއި، މި ކޯޓުގެ ނަންބަރު 2012/HC-A/216 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލުތަކާއި ޚިލާފަށްކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ. ދިމިޤްރާތީ މުޖުތަމައުތަކުގައި ޢަމަލުކުރަމުންދާ އުޞޫލުތަކާއި ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ އުޞޫލުތަކާއި ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، ޚިލާފުވެފައިވަނީ ވަޒިފާއާބެހޭ ޤާނޫނުގެ ކޮން މާއްދާއަކާ ކަމެއް، ނުވަތަ ދިމިޤްރާތީ ކޮން މުޖުތަމަޢުއެއްގެ ކޮން ހަމައަކާ ކަމެއް ބަޔާންކޮށްފައިނުވާކަމާއި، އަދި ހަމައެހެންމެ، މި މައްސަލަ ހިންގައި ފައިސަލާކުރުމުގައި ވަޒީފާއާބެހޭ ޓްރައިބިއުލުން ޚިލާފުވެފައިވަނީ ދިމިޤްރާތީ މުޖުތަމަޢުގެ ކަމާބެހޭ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނިންމާފައިވާ ކޮން ނިންމުމަކާކަމެއް ބަޔާންކޮށްފައެއްނުވެއެވެ. އަދި ވަޒީފާއާބެހޭ ޤާނޫނު ނުވަތަ ދިމިޤްރާތީ މުޖުތަމަޢުގައި ޢަމަލުކުރަމުންދާ އުޞޫލުތައް ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވަނީ ނުވަތަ ޚިލާފުވެފައިވަނީ ކޮން ގޮތަކުންކަމެއް ނުވަތަ އެކަމުގައި އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަމެއް ހާމަކޮށްދީފައެއްނުވެއެވެ. އެހެންކަމުން، ބަޔާންކުރަނިވި ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކުރާ އިސްތިއުނާފީ މިންގަނޑަށް ވާސިލްވެވޭ ނުކުތާއެއް ކަމުގައި ނުފެނެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކަށް ޙަވާލާދީ، ޤަޟިއްޔާތަކުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކޮށްފައިނުވާކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާއިރު، މި ޤަޟިއްޔާތައް މި މައްސަލައާ ގުޅެނީ ކިހިނެތްކަމާއި، މި މައްސަލައަށް މި ނިންމުންތައް ތަޠުބީޤުކުރަންޖެހޭ ގޮތެއް ނުވަތަ މި އުޞޫލުތަކުގެ ނުވަތަ މަބްދައުތަކުގެ ތައުރީފެއް ނުވަތަ ތަފްޞީލެއް ދީފައެއްނުވެއެވެ.
28އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ޤާނޫނާއި ޚިލާފުވެފައިވާކަމަށް ބެލެވޭ ސަބަބެއް، ނުވަތަ ޤާނޫނު މާނަކުރުމުގައި ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ގޯހެއް ހަދާފައިވާކަމުގެ ޤާނޫނީ ބަހުސެއް މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިވާކަމަށް އަހުރެން ނުދެކެމެވެ.
ދެވަނަ އިސްތިއުނާފީ ނުކުތާ: ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާއާއި އަދި ސުޕްރީމް ކޯޓުގެ 2019/SC-A/27 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވާ ޤާނޫނީ އުޞޫލުން ބޭރުން ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ
29HN6މިއީ އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މައްސަލަ ހިނގަމުންދިޔަ އިރު ނަގާފައިވާ ނުކުތާއެއްނޫނެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާއިންވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި މައްސަލަ ބެލުމުގެ އުސޫލުތައް ކަނޑައަޅާފައިވެއެވެ. މިގޮތުން މި މާއްދާގެ (ހ) އަދި (ށ) ގައި ވަނީ އަންނަނިވި ފަދައިންނެވެ.
32(ހ) ހައިކޯޓުން މައްސަލަތައް ބަލާނީ ދަށު ކޯޓުގައި ހުށަހެޅި ހެކިތަކާއި ދިފާޢުތަކަކީ އަސާސްކަމުގައި ބަލައިގެންނެވެ.
(ށ) މި މާއްދާގެ (ހ) ގައި އެހެން ބުނެފައި އޮތުމަކީ ދަށު ކޯޓުގައި ހުށަހެޅުމުގެ ފުރުޞަތު ލިބިފައިނުވާ ހެކި، އިސްތިއުނާފުގެ މަރުޙަލާގައި ހުށަހެޅުމަށް ހުރަސްއަޅާނެކަމެއް ނޫނެވެ.
30ދަށު މަރުޙަލާގައި ފާހަގަކޮށް، ވާހަކަދެއްކުމުގެ ފުރުޞަތު ލިބި، ދަށު މަރުޙަލާގައި ހުށަހަޅާފައިނުވާ ނުކުތާތައް އިސްތިއުނާފީ މަރުޙަލާގައި ނުބެލޭނެކަމަށް މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވެއެވެ. އަދި މި ނިންމެވުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް ތާއިދުކުރައްވާފައިވެއެވެ.
31ވުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅާނީ ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ނިންމި ނިންމަކަކީ އަސާސްތަކަށް ބަލައިގެންނެވެ. މައްސަލައެއްގައި ކަން ހިނގާދިޔަގޮތް ކަށަވަރުކުރުމާއި، އައު ޤާނޫނީ ބަހުސެއް ހުށަހެޅުމަށް ފުރުޞަތު ދިނުމަކީ މުޅިން ތަފާތު ދެ ކަމެކެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙުކުމެއް ނުވަތަ ނިންމުމެއް ބިނާވާންވާނީ ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުމުގައި ގޮތެއް ކަނޑައަޅާފައިވާ ކަމެއް ނުވަތަ ނިންމާފައިވާ ނިންމުމެއްގެ މައްޗައްކަން ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ ސާފު އިބާރާތުން އެނގެއެވެ.
32މިހެން ބަޔާންކުރިނަމަވެސް އައު ޤާނޫނީ ނުކުތާއެއް ބަލައިގަނެވިދާނެ ޙާލަތްތައް، ނުވަތަ އައު ޤާނޫނީ ބަހުސްއަކަށް ފުރުޞަތު ހުޅުވާލެވިދާނެ ޙާލަތްތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ. އަދި ދަށު މަރުޙަލާގައި ބަލައިގަނެފައިނުވާ އައު ހެކި ހުށަހެޅޭނެ ޙާލަތްތައް އެ ކޯޓުގެ ނަންބަރު 2013/SC-A/20 އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކޮށްފައިވެއެވެ.
33ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން އޮތީ ޤާނޫނާ ޚިލާފަށް ކަމަށް ބުނުމަކުން ހަމައެކަނި ނުފުދެއެވެ. ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޙާލަތްތަކުން ކުރެ ޙާލަތެއް އޮތްކަން އެކަމުގެ ތަފްޞީލާއެކު ހާމަކޮށްދިނުމަކީ އިސްތިއުނާފުކުރާ ފަރާތުގެ ޒިންމާއެކެވެ. އެކަން ބަޔާންކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢިމާދު ޔޫސުޕް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ފާހަގަކުރަނީ
"...ހައިކޯޓަށް އިސްތިއުނާފު މައްސަލަ ހުށަހެޅުމުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ޙާލަތެއް އޮތްނަމަ، އެކަން ހާމަކޮށް ހުށަހެޅުމަކީ އިސްތިއުނާފު ކުރާ ފަރާތުގެ ޒިންމާއެކެވެ. އެހެނީ، ޤާނޫނެއްގެ މާއްދާއަކަށް ހަވާލާދީ، ޖުމްލަ ގޮތެއްގައި ދަށު ކޯޓުގެ ނިންމުން ގޯސްކަމަށް ބުނުމަކުން، އެ ފަރާތުން އިސްތިއުނާފު ކުރުމުގައި އުފުލަންޖެހޭ މަސްއޫލިއްޔަތު އަދާކޮށް ނިމުނީއެއް ނޫނެވެ. ދަށު ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމުގައި ބުނާނަމަ، އެފަދައިން ބުނާ ސަބަބު، ޤާނޫނުތަކުގެ މާއްދާ އަދި ޤާނޫނީ އުސޫލުތަކުގެ އަލީގައި ބަޔާންކުރުމަކީ މައްސަލައެއް އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުގެ މަސްއޫލިއްޔަތެކެވެ. އެއީ ފަރުދެއް، މުއައްސަސާއެއް ނުވަތަ ޤާނޫނީ ޝަޚުސަކަށް ވީނަމަވެސް މެއެވެ. އަދި ވަކިން ޚާއްސަކޮށް، އިސްތިއުނާފު ކުރަން ހުށަހަޅާ ފަރާތުން ޤާނޫނީ ވަކީލެއްގެ އެހީތެރިކަން ހޯދާނަމަ، މި މިންގަނޑަށް ކަންކުރުމަކީ ޤާނޫނީ ވަކީލުގެ ޒިންމާއެއްވެސް މެއެވެ"
މިފަދައިންނެވެ. އެހެންކަމުން، އައު ޤާނޫނީ ބަހުސެއް ނުވަތަ އައު ހެއްކެއް ތައާރަފުކުރުމަށް ކަނޑައަޅާ ސަބަބެއް އޮތްކަމަށް ބަޔާންކޮށް، އެކަން ހާމަކަރުމަކީ އެ ޤާނޫނީ ބަހުސެއް ނުވަތަ އައު ހެކި ހުށަހަޅާ ފަރާތުގެ ޒިންމާއެއްކަން ސާފެވެ.
34ދަށު މަރުޙަލާގައި އެއްވެސް ވަރަކަށް ނުދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ނުކުތާއެއްގެ ސިފައިގައި މުޅިން އައު ޤާނޫނީ ބަހުސެއް ހުޅުވާލުމަށް ފުރުޞަތު ދިނުމަކީ ކޯޓުތަކުގެ ޤާނޫނު ހުއްދަކުރާ ކަމެއްނޫނެވެ. އެހެނީ އިސްތިއުނާފު މަރުޙަލާތައް ބިނާވަނީ އެއަށް ވުރެ ދަށު މަރުޙަލާއިން ގޯހެއް ހަދާފައިވާނަމަ އެކަން ރަނގަޅުކުރުމަށްކަމަށްވާއިރު، ކޮންމެ އިސްތިއުނާފީ މަރުޙަލާއެއްގައި އައު ވާހަކަ ދެކެވި އައު ޤާނޫނީ ބަހުސްތައް ހުށަހެޅުމަށް ކޯޓުތަކުގެ ޤާނޫނުގައި ތަސައްވަރުކުރެވިފައިވާ އިސްތިއުނާފީ ނިޒާމްގެ މަޤްޞަދު ހާސިލުނުވާނެތީއެވެ. އެހެންކަމުން، ދަށު ކޯޓުގެ ނުވަތަ ޓްރައިބިއުނަލްގެ ނިންމުން ޤާނޫނާއި ޚިލާފު ކަމުގައި ބެލެވޭ ސަބަބުތައް ވާންވަނީ އެ ސަބަބުތަކާމެދު ވާހަކަ ދެކެވި، އެ ސަބަބުތަކާމެދު ދަށު މަރުޙަލާގައި އެއްޗެއް ބުނުމުގެ ފުރުޞަތު ލިބިފައިވާ ސަބަބުތަކަށެވެ.
މި މައްސަލައިގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ލިބިދެވޭ ޙައްލުތަކާ ގުޅޭ ގޮތުންނާއި، އަދި މި ނުކުތާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތަކާއި ގުޅޭ ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ވާހަކަދެކެވުނީހެވެ. ބަހުސްގެ ބޭނުމަށް، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާ ގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ތަޠުބީޤުކުރުމަށް ބެލިނަމަވެސް، ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާނަމަ، ވަޒީފާއިން ވަކިކުރި ފަރާތް އޭނާ ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާނީއެވެ. އެ މާއްދާގައި ބަދަލުދިނުމާއި ގުޅޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް މި މައްސަލަތައް ތަޠުބީޤުކުރުމަށް ބެލިނަމަވެސް، ވަޒީފާއިން ވަކިކުރި ފަރާތަށް ނުޙައްޤު މުއްސަދިކަމެއް ލިބިފައިވާކަން ނުވަތަ ނޫންކަން، ވަޒީފާއަދާކުރާ ފަރާތުން ވަޒީފާއިން ވަކިކުރުމުން ލިބޭ ގެއްލުން ކުޑަކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން ނުވަތަ ނޫންކަން، އަދި ވަޒީފާއަށް ރުޖޫޢަކުރުމާއި ހަމައަށް ވަޒީފާއަދާކުރި ފަރާތުން އެހެން ވަޒީފާއެއް އަދާކޮށްފައިވާކަން ނުވަތަ ނޫންކަން، މިކަންކަމީ ދަށު މަރުޙަލާގައި އިސްތިއުނާފުކުރާ ފަރާތުން ދައްކާފައިވާ ނުވަތަ އެއްވެސް ގޮތަކަށްނަމަވެސް ފާހަގަކޮށްފައިވާ ކަންކަމެއްނޫނެވެ. މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ހިނގަމުންދިޔައިރު، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާ ގުޅޭ ގޮތުންނާއި، އަދި ބަޔާންކުރަނިވި ޤަޟިއްޔާތަކާއި ގުޅޭ ގޮތުން ވާހަކަދެއްކުމުގެ ފުރުޞަތު އޮތެވެ. އެހެނަސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދެކެވި، އަދި އިސްތިއުނާފުކުރާ ފަރާތުގެ އިސްތިއުނާފީ ދެވަނަ ނުކުތާ ބިނާކޮށްފައިވަނީ މި ނުކުތާގެ މައްޗަށް ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ އައު ބަހުސްއަށް މި މަރުޙަލާގައި ޖަވާބުދިނުންވާނީ، އަދި މި ނުކުތާގެ މައްޗަށް އައު ގޮތްތަކެއް ކަނޑައެޅުންވެގެންދާނީ ކޯޓުތަކުގެ ޤާނޫނާއި ޚިލާފު ކަމެއްކަން އަހުރެން ދެކެމެވެ.
ބަޔާންވެދިޔަ ކަންކަމުގެ އަލީގައި މި މައްސަލައިގައި ވަޒިފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް އޮތްކަމަށް ނުދެކެމެވެ.
ފަނޑިޔާރު މުޙައްމަދު ފައިޞަލްގެ ރައުޔު:
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު؛
ފަނޑިޔާރު ޙުޒައިފާ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޙުކުމްކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އާންމު އުޞޫލެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތަރީޚުން ފެށިގެންނެވެ. އެހެނަސް، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ޚުލާޞާއަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގައި ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2019 މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 86/VTR/2019 މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުޒައިފާ މުޙައްމަދު (ރިޔާސަތު)
މުޙައްމަދު ފައިޞަލް
ޙަސަން ޝަފީޢު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާ
- ހައިކޯޓުގެ ގަވާއިދުގެ 27 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 268 ވަނަ މާއްދާ އަދި 284 ވަނަ މާއްދާގެ (ރ)
- 2019/SC-L/91 (އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް)
- 2019/SC-A/51 (މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް)
- 2021/SC-A/70 (އަޙްމަދު ޝިފާޢު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- 2018/SC-A/20 (ޙުސައިން ޢަލީ ވ. މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ)
- 2019/SC-A/55 (އަހްމެޓް އައިޑެނިޒް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޑޮލްފިން ބޭސް ޕްރައިވެޓް ލިމިޓެޑް)
- 2014/HC-A/83 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- 2017/SC-A/41
- 2019/SC-A/57 (ކަފޫރު ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް)
- 2013/SC-A/20 (އާމިނަތު ނާޒްލީ ވ. ސީގޭޓް ދަ އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް)
- 2019/SC-A/09 (ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް)
- 2021/SC-A/66 (މޯލްޑިވްސް މެރިން ކޮންޓްރެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި އިތުރު ފަސް ފަރާތެއް ވ. ސްޓޭޓް ބޭންކް އޮފް އިންޑިއާ)
- 2014/SC-A/19 (ޝަރުމީލާ ޝަރީފް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- 2014/SC-A/41 (މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- 2010/HC-A/24
- 2011/HC-A/134
- 2012/HC-A/216
- 2019/SC-A/36
- 2019/SC-A/27
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.