ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-A/36ސުޕްރީމް ކޯޓު · 13 އޮގަސްޓް 2020

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 13 އޮގަސްޓް 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2019/SC-A/36

އިސްތިއުނާފު ކުރާ ފަރާތް:

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު

އިސްތިއުނާފު ރައްދުވާ ފަރާތް:

އަސްފާޤު ވަޙީދު

މައްސަލައިގެ ބާވަތް:

ވަޒީފާއާ ގުޅޭ

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުންހުށަހެޅުނު ތާރީޚު:

05 ފެބްރުއަރީ 2019ރަޖިސްޓްރީ ކުރެވުނު ތާރީޚު:

18 އޭޕްރިލް 2019ނިމުނު ތާރީޚު:

13 އޮގަސްޓް 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2016/HC-A/555

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

17 ނޮވެމްބަރ 2016ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

06 ނޮވެމްބަރ 2018

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތައާރުފު

މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު (މީގެ ފަހުން 'އެމްއޭސީއެލް' ނުވަތަ 'ވަޒީފާދޭ ފަރާތް' ނުވަތަ 'އިސްތިއުނާފުކުރާ ފަރާތް') ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ،އަސްފާޤު ވަޙީދު (މީގެ ފަހުން 'މުވައްޒަފު' ނުވަތަ 'އިސްތިއުނާފު ރައްދުވާ ފަރާތް') މޯލްޑިވްސް އެއާރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން، ނޯޓިސް ދިނުމެއް ނެތި ވަކިކުރީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ އެވެ.

އަސްފާޤު ވަޙީދުއާއެކު އެއް ހާދިސާއެއްގައި އެއް ތުހުމަތެއް ކުރެވިގެން ވަޒީފާއިން ވަކިކުރެވުނު މ. މައިކްރޯވޭވް ޖާބިރު ޢަބްދުއްރަޙްމާނު އެމްއޭސީއެލްގެ ވަޒީފާއިން ވަކިކުރި މައްސަލަ މިކޯޓުގެ 2018/SC-A/49 ނަންބަރު ގަޒިއްޔާގައި ބަލައި ސުޕްރީމް ކޯޓުން ހުކުމްކޮށްފައިވެއެވެ. އެހެންކަމުން މި ގަޒިއްޔާގައި ބަލާ މައްސަލަ އާއި މިކޯޓުގެ ނަންބަރު 2018/SC-A/49 ގަޒިއްޔާގައި ބަލައި ފައިސަލާ ކޮށްފައިވާ ގަޒިއްޔާގައި ހިމެނޭ ވާގިއާތަކަކީ މައިގަނޑު ގޮތެއްގައި އެއް ވާގިއާތަކެކެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާ އަދާކުރަމުން ގެންދިޔައީ އެމްއޭސީއެލް ގައެވެ. އެތަނުގައި އިސްތިއުނާފު ރައްދުވާ ފަރާތުން އަދާކުރަމުން ގެންދިޔައީ ބެގެޖް ހޭންޑްލަރއެއްގެ ވަޒީފާއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތަށް ނޯޓިސް ދިނުމެއް ނެތި، އޭނާ އަދާކުރަމުން ގެންދިޔަ ވަޒީފާއިން 17 މާޗް 2016 ގައި ވަކިކޮށްފައިވެއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، އޭނާ އަދާކުރަމުން ގެންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަ ކޮށްދިނުމަށާއި، ވަޒީފާއިން ވަކިކޮށްފައިވާ މުއްދަތުގައި ލިބެންޖެހޭ މުސާރައާއި، އެހެނިހެން އިނާޔަތްތައް ހޯދުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން 11 އޭޕްރީލް 2016 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް (މީގެ ފަހުން "ޓްރައިބިއުނަލް") އަށް މައްސަލަ ހުށަހެޅިއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ދައުވާގެ ޖަވާބުގައި އެމްއޭސީއެލް އިން ބުނެފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ 26 ފެބްރުއަރީ 2016 ގައި މާލޭ އިންޓަނެޝަނަލް އެއާޕޯޓުން ފުރި Q2388 ފްލައިޓުން ޗައިނާ އަށް ދިޔަ ފަސިންޖަރެއްގެ ދަބަހުން އިސްތިއުނާފު ރައްދުވާ ފަރާތާއި އެވަގުތު އޭނާއާއެކު އެތަނުގައި މަސައްކަތްކުރި މ. މައިކްރޯވޭވް ޖާބިރު ޢަބްދުއްރަޙްމާންއާ ދެ މީހުން ގުޅިގެން އެ ފަސިންޖަރުގެ ދަބަހުގައި ހުރި ބައެއް ތަކެތި ނަގާފައިވާކަން އެތަނުގައި ހުރި ސީސީޓީވީ ކެމެރާގެ ފުޓޭޖުން ފާހަގަކުރެވިފައިވުމުން، އޭނާގެ މަސައްކަތުގެ އަޚްލާގު އެކަށީގެންނުވާ ކަމަށް ފެންނާތީ އާއި އޭނާގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާތީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށެވެ.

ޓްރައިބިއުނަލުން މި މައްސަލަ ބެލުމަށްފަހު ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ މަސައްކަތުގެ އަޚްލާގު އެކަށީގެންނުވާ ކަމަށް ފެންނާތީ އާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާތީ، ނޯޓިސް ދިނުމެއްނެތި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ކަމަށް އެމްއޭސީއެލް އިން ބުނި ނަމަވެސް އިސްތިއުނާފު ރައްދުވާ ފަރާތް ނުވަތަ އެހެން މީހަކާއެކު އޭނާ ބައިވެރިވެގެން ފަސިންޖަރެއްގެ ދަބަހުން ތަކެތި ނަގާފައިވާކަން އެމްއޭސީއެލް އަށް ސާބިތުކޮށްދެވިފައި ނުވާތީވެ، އެމްއޭސީއެލްގެ ވަޒީފާއިން އިސްތިއުނާފު ރައްދުވާ ފަރާތް ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ބަލާނެ ތަނެއް ނެތް ކަމަށެވެ.

ޓްރައިބިއުނަލުގެ މި ނިންމުމުގައި އިތުރަށް ބުނެފައިވަނީ، އެމްއޭސީއެލްގެ ވަޒީފާއިން އިސްތިއުނާފު ރައްދުވާ ފަރާތް ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވީ ނަމަވެސް، އިސްތިއުނާފު ރައްދުވާ ފަރާތް އެދިފައިވާ ގޮތަށް އޭނާ ކުރިން އަދާކުރަމުން ގެންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަ ކުރުމަށް ބަލާއިރު، މައްސަލައިގައި ހިމެނޭ ދެފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވާތީވެ، ވަޒީފާ އަނބުރާ ރުޖޫއަކުރުމަކީ އެންމެ އަދުލުވެރި ގޮތްކަމަށް ނުފެންނަކަމަށާއި، އެހެންކަމުން، ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާއަށް ރިއާޔަތްކޮށް ބަދަލުގެ ގޮތުގައި 34,800.00 (ތިރީސް ހަތަރުހާސް އަށްސަތޭކަ ރުފިޔާ) ރުފިޔާ އެމްއޭސީއެލްގެ ކިބައިން އިސްތިއުނާފު ރައްދުވާ ފަރާތަށް ނަގައި ދިނުމަށް ކަނޑައަޅާކަމަށެވެ.

ހައިކޯޓުގެ 2016/HC-A/555 އިސްތިއުނާފު

ޓްރައިބިއުނަލުގެ ނިންމުން ރަނގަޅުނޫން ކަމަށް ބުނެ އަސްފާޤު ވަޙީދު އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ ހައިކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު2016/HC-A/555 ގަޒިއްޔާގައެވެ.

ހައިކޯޓުގެ ނަންބަރު 2016/HC-A/555 ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅާފައިވަނީ، މި މައްސަލައިގެ ހާދިސާ ހިނގިކަމަށް ބުނާ ދުވަހު ފަސިންޖަރުންގެ ދަބަސްތައް ނަގައި ބޯޓަށް އެރުވުމުގެ މަސައްކަތުގައި އަސްފާޤު ވަޙީދު އާއި އޭނާއާ އެކުގައި އެތަނުގައި އުޅުނު އެހެން މުވައްޒަފަކު ކަމުގައިވާ ޖާބިރު ޢަބްދުއްރަޙްމާނު އުޅުނު ގޮތް ފެންނަ ސީސީޓީވީ ކެމެރާގެ ފުޓޭޖް ހައިކޯޓުގެ ފަނޑިޔާރުން ބެލިއިރު، އަސްފާޤު ވަޙީދު އާއި ޖާބިރު ޢަބްދުއްރަޙްމާނު ފަސިންޖަރެއްގެ ދަބަސް ހުޅުވައިގެން އެއިން އެއްޗެއް ނަގަނިކޮށް ނުފެންނަ ކަމަށެވެ. އަދި، މިކަން ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ކަމަށެވެ. މީގެ އިތުރުން، އަސްފާޤު ވަޙީދު މަސައްކަތްކުރާ ތަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިންތިޒާމު ހަމަޖެހިފައި އޮންނަ ގޮތުން އިސްކިރީނު ނުކޮށް ނުވަތަ ތަން ބަލަހައްޓަން ތިބޭ އޭވިއޭޝަން ސެކިއުރިޓީ ބަލަހައްޓާ މީހުންނަށް ނޭނގި އެތަނުން އެއްޗެއް ނުގެންދެވޭނެކަން މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުން ޝަރިއަތުގައި ދެއްކި ވާހަކަތަކުން އެނގޭ ކަމަށެވެ. އަދި އެކަން ޓްރިބިއުނަލުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އެމްއޭސީއެލް އިން އަސްފާޤު ވަޙީދު ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބު ނުވަތަ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު އަމަލު އޭނާ ކޮށްފައިވާކަން ސާބިތުނުވާތީ، މި މައްސަލައިގައިއަސްފާޤު ވަޙީދު އެމްއޭސީއެލްގައި އަދާކުރަމުންގެންދިޔަ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޒޫއީ އަދުލުވެރިކަން ގާއިމުކުރެވިފައި ނުވާކަމަށް ހައިކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ހައިކޯޓުގެ ނަންބަރު 2016/HC-A/555 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ، އަސްފާޤު ވަޙީދު އެމްއޭސީއެލްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި އެމްއޭސީއެލްގެ ފަރާތުން އިޖުރާއީ އަދުލުވެރިކަން ވެސް ގާއިމުކޮށްފައި ނެތް ކަމަށެވެ. އެހެނީ، މި މައްސަލައިގައި އަސްފާޤު ވަޙީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ 26 ފެބްރުއަރީ 2016 ވަނަ ދުވަހު Q2388 ފްލައިޓުން ފުރި ފަސިންޖަރުންގެ ދަބަސްތައް ގެންދިއުމުގެ ތެރޭގައި އަސްފާޤު ވަޙީދު އާއި އިތުރު މީހަކު އެ ދަބަސްތަކުގެ ތެރެއިން ދަބަހެއް ހުޅުވައިގެން އެ ދަބަހުން އަސްފާޤު ވަޙީދު އާއި އިތުރު މީހަކު ބައިވެރިވެގެން ވައްކަން ކުރުން ކަމަށް ވާއިރު އެ މައްސަލައިގައި އަސްފާޤު ވަޙީދުގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ ކޮން މައްސަލައެއްގައި ކަން އަންގާފައި ނެތް ކަމަށާއި، އަދި އެކަމާ ގުޅޭގޮތުން އެމްއޭސީއެލް އިން ތަހުގީގެއް ކޮށްފައި ނެތް ކަމަށާއި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި ޖަވާބުދާރީ ވުމުގެ ފުރުސަތާއި، ގާނޫނީ ވަކީލެއް ނުވަތަ އެ ތަހުގީގުގައި އެހެން ފަރާތެއް އައްޔަންކޮށް އަސްފާޤު ވަޙީދު ތަމްސީލުކުރުމުގެ ފުރުސަތުވެސް ލިބިދީފައި ނެތްކަން އެނގޭ ކަމަށާއި، އެހެންކަމުން މުވައްޒަފަކު ވަޒީފައިން ވަކިކުރުމުގައި ގާއިމު ކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން މި މައްސަލައިގައި ގާއިމުކޮށްފައި ނެތް ކަމަށެވެ.

އެމްއޭސީއެލްގެ ވަޒީފާއިން އިސްތިއުނާފު ރައްދުވާ ފަރާތް ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވީ ނަމަވެސް، މައްސަލައިގައި ހިމެނޭ ދެފަރާތުގެ މެދުގައި އިތުބާރު ގެއްލިފައިވާތީވެ، އިސްތިއުނާފު ރައްދުވާ ފަރާތް އެދިފައިވާ ގޮތަށް ވަޒީފާ އަނބުރާ ރުޖޫއަ ކުރުމަށް ބަލާއިރު، ވަޒީފާ އަނބުރާ ރުޖޫއަކުރުމަކީ އެންމެ އަދުލުވެރިގޮތް ކަމަށް ނުފެންނާތީވެ، އަސްފާޤު ވަޙީދު ކުރިން އަދާކުރަމުން ގެންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމުގެ ބަދަލުގައި އަސްފާޤު ވަޙީދު އަށް ގެއްލުމުގެ ބަދަލެއް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާތީވެ، އެ ނިންމުން ބަދަލު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ގަޒިއްޔާގައި ކަނޑައަޅާފައިވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަސްފާޤު ވަޙީދު އަށް މި މައްސަލައިގައި ހޯދައިދީފައިވާ ހައްލަކީ ގާނޫނީ ގޮތުން ރަނގަޅު ހައްލެއް ނޫންކަމަށް ކަނޑައަޅައި ހައިކޯޓުގެ ހުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި އަސްފާޤު ވަޙީދުގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ފަސިންޖަރުންގެ ލަގެޖު އަރުވާ ބޭލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާ ޚިލާފުވެގެން ނޫންކަމަށާއި، އެއާ ޚިލާފަށް އޭނާގެ މައްޗަށް ތުހުމަތު ކުރެވިފައިވަނީ 26 ފެބްރުއަރީ 2016 ވަނަ ދުވަހު Q2388 ފްލައިޓުން ފުރި ފަސިންޖަރެއްގެ ލަގެޖުން ގެއްލިފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ތަކެތި ވަގަށް ނަގާފައިވަނީއަސްފާޤު ވަޙީދު އާއި އޭނާއާ އެކު އެ ދުވަހު މަސައްކަތްކުރި ޖާބިރު ޢަބްދުއްރަޙްމާނު ކަމަށް ބެލެވިގެން ކަމަށްވާއިރު، އެކަން އެމްއޭސީއެލް އަށް ސާބިތުކޮށްދެވިފައި ނެތް ކަމަށާއި، މީގެ އިތުރުން، އެ ތުހުމަތާ ގުޅިގެން އެމްއޭސީއެލްގެ ފަރާތުން އެއްވެސް ތަހުގީގެއް ކޮށްފައި ނުވާކަމަށާއި، އަދި އޭނާއާ މެދު ތުހުމަތުކުރެވިފައިވާ މައްސަލައިގައި އޭނާއާ ސުވާލުކޮށް އޭނާއަށް ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީ އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށްކަން އެނގޭތީވެ، މި މައްސަލައިގައި އެންމެ އަދުލުވެރި ހައްލެއް ކަމުގައި އެކޯޓުގެ ފަނޑިޔާރުންނަށް ބުރަވެވެނީ ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އަސްފާޤު ވަޙީދު ކުރިން އަދާކުރަމުން ގެންދިޔަ ވަޒީފާއަށް ރުޖޫއަކުރުން ކަމަށާއި، އެހެންކަމުން އަސްފާޤު ވަޙީދު ކުރިން ހުރި ވަޒީފާގައި ބެހެއްޓުމަށް އަމުރު ނުކޮށް، ޓްރައިބިއުނަލުން ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން ބަދަލު ދިނުމުގެ އަމުރެއް ނެރެފައިވަނީ މި ބާވަތުގެ މައްސަލަތަކުގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ ގާނޫނީ އަދި ޝަރުއީ އުސޫލާ ޚިލާފަށް ކަމަށެވެ.

އެމްއޭސީއެލްއިން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި އެމްއޭސީއެލް އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ތިރީގައި މިވާ ދެ ނުކުތާއެވެ.

(ހ) އިސްތިއުނާފް ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ ދަށުން ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވިދާނެ ހާލަތެއް އޮވެގެންކަން ސާބިތުކުރުމަށްޓަކައި އެކަށީގެންވާ ހެކި ހުށަހެޅިފައިވީ ނަމަވެސް ހައިކޯޓުން މައްސަލަ ނިންމުމުގައި ހުށަހެޅިފައިވާ ހެކި ވަޒަންކުރުމުގައި ރިއާޔަތް ކުރައްވާފައިވާ މިންގަނޑަކީ ބޮޑަށް ބުރަވެވޭ މިންގަނޑު ކަމަށްވާއިރު، ސީސީޓީވީ ފުޓޭޖުން ފެންނަގޮތުގައި އިސްތިއުނާފުކުރާ ފަރާތުގެ އަމަލުތަކަށް އެ މިންގަނޑުން ބަލައިފިނަމަ ފަސިންޖަރެއްގެ ދަބަހުން އެދުވަހު ގެއްލިފައިވާ ތަކެތި ނަގާފައިވަނީ އިސްތިއުނާފުކުރާ ފަރާތާއި އެހެން މުވައްޒަފަކު ވެގެންކަން ސާބިތުވާއިރު، މި ވީޑިއޯ ހެކި ވަޒަންކުރުމުގައި ގާނޫނު ލާޒިމުކުރާ މިންގަނޑުން ވަޒަންކުރެވިފައި ނުވުން.

(ށ) މި މައްސަލައިގައި، އިސްތިއުނާފު ރައްދުވާ ފަރާތް ކުރިން އަދާކުރަމުން ގެންދިޔަ ވަޒީފާއަށް ނުވަތަ އެވަޒީފާއާ އެއް ފެންވަރެއްގެ އެހެން ވަޒީފާއަކަށް އަނބުރާ ރުޖޫއަކޮށް އޭނާއަކީ އެއްގޮތަކަށްވެސް ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް ނިންމަވައި ހުކުމް ކުރެއްވުމުގެ ނަތީޖާއަކީ ނުހައްގު ފައިދާއެއް ލިބުމަށް މަގުފަހިކުރެވުން ކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭކަން.

އިސްތިއުނާފުކުރަން ހުށަހެޅި ފުރަތަމަ ނުކުތާ

އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ސާބިތުކުރުމަށް އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލަށް ހުށަހެޅި ހަމައެކަނި ހެއްކަކީ ސީސީޓީވީ ފުޓޭޖުކަން އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލާއި ހައިކޯޓާއި މިކޯޓުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ.

މި މައްސަލައިގެ ހާދިސާ ހިނގިކަމަށް ބުނާ ދުވަހު ފަސިންޖަރުންގެ ދަބަސްތައް ނަގައި ބޯޓަށް އެރުވުމުގެ މަސައްކަތުގައި އަސްފާޤު ވަޙީދު އާއި އޭނާއާ އެކުގައި އެތަނުގައި އުޅުނުޖާބިރު ޢަބްދުއްރަޙްމާން އުޅުނު ގޮތް ފެންނަ ސީސީޓީވީ ކެމެރާގެ ފުޓޭޖް ސުޕްރީމް ކޯޓުގައި ބެލިއިރު، އަސްފާޤު ވަޙީދު އާއި އޭނާއާ އެކުގައި އެތަނުގައި އުޅުނު ޖާބިރު ޢަބްދުއްރަޙްމާން ކޮންމެވެސް ފަސިންޖަރެއްގެ ދަބަސް ޔޫއެލްޑީއަށް ލުމަށްފަހު އެ ފޮށީގެ ޒިބު ހުޅުވައިގެން މިނިޓެއްހާއިރު އުޅުންތަން އެ ވީޑިއޯ ފުޓޭޖުން ފެނެއެވެ. އަދި އެ ފޮއްޓަކީ ނޫކުލައިގެ ފޮއްޓެއް ކަންވެސް އެނގެއެވެ. އަދި އެ ފޮށީގެ ޒިބު ހުޅުވައިގެން ޖާބިރު ޢަބްދުއްރަޙްމާން އެކުރި ކަމެއް ކުރުމަށްފަހު އެ ފޮށި ޔޫއެލްޑީ އިން އަނެއްކާ ނަގައި، ފޮށި ގެނެސްދޭ ބެލްޓުގެ ބިއްދޮށުގައިވާ ދާރަ މަތީގައި އެ ފޮށި ބެހެއްޓިތަން ފެނެއެވެ. ނަމަވެސް، އެ ފޮށިން ޖާބިރު ޢަބްދުއްރަޙްމާން ނުވަތަ އަސްފާޤް ވަޙީދު އެއްވެސް އެއްޗެއް ނެގިކަމުގެ އެއްވެސް ހަރަކާތެއް ނުވަތަ ނިޝާނެއް ނުފެނެއެވެ. އެ ފޮށިން ކެމެރާއަކާއި އައިޕެޑް ފަދަ ތަކެތި އެވަގުތު ނެގިނަމަ، އެ ފޮށީގެ ޒިބު ލެއްޕުމަށްފަހު ޖާބިރު ޢަބްދުލްރަޙްމާނު ކެމެރާއާ ކުރިމަތިވާ ގޮތަށް އެނބުރުނު ވަގުތު އޭނާގެ އަތުގައި އެއްޗެއް އޮތްނަމަ ފެންނާނެއެވެ. އަދި ލައިގެން ހުރި ހެދުމުގެ ޖީބެއްގައި އެއްޗެއް އޮތްނަމަ ފުއްޕާފައި ހުރި ތަންވެސް ފެންނާނެއެވެ. ނަމަވެސް މިއިން އެއްވެސް ކަމެއް ނުފެނެއެވެ. އެންމެ ކުޑަމިނުންޖާބިރު ޢަބްދުއްރަޙްމާން ޒިބު ހުޅުވި ފޮއްޓަކީ އެމީހެއްގެ ފޮށިން އަގުބޮޑު ސާމާނުތަކެއް ގެއްލިގެން ޝަކުވާ ކުރި ފަސިންޖަރުގެ ފޮށިކަންވެސް އެމްއޭސީއެލްއަށް ބުނެދެވިފައި ނެތެވެ.

އިސްތިއުނާފުކުރަން އެމްއޭސީއެލްގެ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާގައި މި ބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަންކުރަން ޖެހެނީ ބޮޑަށް ބުރަވެވޭ މިންގަނޑުން ކަމަށާއި، ސީސީޓީވީ ފުޓޭޖުން ފެންނަގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ އަމަލުތަކަށް އެ މިންގަނޑުން ބަލައިފިނަމަ ފަސިންޖަރެއްގެ ދަބަހުން އެދުވަހު ގެއްލިފައިވާ ތަކެތި ނަގާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތާއި ޖާބިރު ޢަބްދުއްރަޙްމާން ވެގެން ކަން ސާބިތުވާ ކަމަށް ބުނެފައިވާއިރު، ފަސިންޖަރެއްގެ ދަބަހުން އެ ދުވަހު ގެއްލިފައިވާ ތަކެތި ނަގާފައިވަނީ އިސްތިއުނާފުކުރާ ފަރާތާއި އެހެން މުވައްޒަފަކު ވެގެންކަން ބޮޑަށް ބުރަވެވޭ މިންގަނޑުން ސާބިތުވާ އެއްވެސް ކަމެއް އެ ވީޑިއޯ ފުޓޭޖުން ފެނިފައެއް ނުވެއެވެ. ފޮށީގެ ޒިބު ހުޅުވިތަން ފެނުނު ނަމަވެސް، އަސްފާޤު ވަޙީދުގެ ފަރާތުން އޭގެ ޖަވާބުގައި ބުނެފައިވަނީ ފޮށިތަކުގައި ބައެއް ފަހަރު މައްސަލަތައް ހުންނަ ކަމަށާއި ބައެއް ފަހަރު ތަޅުނުލާ ހުންނަ އެއްޗެހި ހުންނަ ކަމަށާއި، ޒިބު ނެއްޓިފައި، ނޫނީ އަތްގަނޑު ނުވަތަ ވާގަނޑެއް ނެތް އެއްޗެހި ހުންނަ ކަމަށާއި އެހެން ހުންނަ އެއްޗެހި ރަނގަޅުކޮށް ހަދާކަމަށާއި، އެ ދުވަހުވެސް އެގޮތަށް އަމަލުކުރީ އެކަހަލަ މައްސަލައެއް އެ ފޮށީގައި ހުރެގެން ކަމަށެވެ.

މި ހަމަތަކުން ބަލާއިރު، އަސްފާޤު ވަޙީދުގެ މައްޗަށް ތުހުމަތުކުރެވެނީ ފަސިންޖަރެއްގެ ފޮށިން ވައްކަން ކުރިކަމުގެ ތުހުމަތު ކަމަށްވެފައި، އެ ފޮށީގެ ޒިބު ޖާބިރު ޢަބްދުއްރަޙްމާން ހުޅުވިތަން ފެނުނު ކަމުގައިވީ ނަމަވެސް، އެ ފޮށިން އޭނާ އެއްޗެއް ނެގިތަން ފެނިފައެއް ނުވެއެވެ. އެދެމީހުންގެ ތެރެއިން ޖާބިރު ޢަބްދުއްރަޙްމާން ހުޅުވީ ޝަކުވާކުރި ފަސިންޖަރުގެ ފޮށިކަމެއްވެސް ނޭނގެއެވެ. އޭނާގެ ވަޒީފާއެއްގެ ގޮތުން ކުރާ މަސައްކަތުގެ ތެރޭގައި ޒިބު ނޭޅުވި ހުންނަ ފޮއްޓާއި، ތަޅު ނުލެވި ހުންނަ ފޮއްޓާއި ހުޅުވިފައި ހުންނަ ފޮއްޓާ އާންމުކޮށް ދިމާވާނެތީ ދެކޮޅުން ދައްކާ ވާހަކައިގެ ތެރެއިން، އޭނާ އެފޮށި ހުޅުވިފައި ހުރުމުން އެފޮށި ރަނގަޅުކުރީ ކަމަށް ބުނާއިރު އެއީ ވެސް ވެދާނެ ގޮތެކެވެ. އަދި އޭނާ ފޮށި ހުޅުވާފައިވަނީ ތަނުގައި ހަމަޖައްސާފައި އޮންނަ އިޖުރާއަތާ ޚިލާފަށް ކަމަށްވެސް ވެދާނެއެވެ. މި ހާލަތުގައި އެމީހުނާމެދު ކުރެވޭ ސީރިއަސް ނުވަތަ ބުރަ ތުހުމަތަކީ އެމީހުން އެ ފޮށިން ވައްކަންކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނާބުނުމެވެ. އެ ދެ މީހުން ފަސިންޖަރުގެ ފޮށިން ވައްކަން ކުރިކަމަށް އެމްއޭސީއެލް އިން ބުނާތީވެ އެގޮތަށް ބުރަވެވޭނީ އެފަރާތުން އެ ބުނާވާހަކައަށް ހަރުދަނާ ކަމެއް ގެނެސްދޭ އިތުރު ކަމެއް ދެއްކިގެންނެވެ. އެމްއޭސީއެލް އިން އެ ބުނާގޮތް ބޮޑަށް ގަބޫލުކުރުމަށް އެވީޑިއޯ އިން އެ ފެންނަ މަންޒަރު ނުފުދެއެވެ.

އެހެންކަމުން މި މައްސަލައިގައި އެމްއޭސީއެލް އިން އަސްފާޤު ވަޙީދު ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބު ނުވަތަ އޭނާގެ މައްޗަށް ތުހުމަތުކުރެވުނު އަމަލު އޭނާ ކޮށްފައިވާކަން ސާބިތުނުވާތީ، މި މައްސަލައިގައި އަސްފާޤު ވަޙީދު އެމްއޭސީއެލްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޒޫއީ އަދުލުވެރިކަން ގާއިމުކުރެވިފައިވާ ކަމަށް ގަބޫލެއް ނުކުރެވެއެވެ.

އިޖުރާއީ އަދުލުވެރިކަން

އެމްއޭސީއެލްގެ ފަރާތުން 8 މޭ އަދި 16 މޭ 2016 ގައި ޓްރައިބިއުނަލަށް ދިން ބަޔާންތަކުގައި ބުނެފައިވަނީ:

". . . އަޅުގަނޑަށް އެނގިފައިވާ ގޮތުގައި އެއަރޕޯޓު ކުންފުނީގެ ފަރާތުން ޖާބިރާއި އަޝްފާގުއާ ދެމީހުން ހާޒިރުކޮށްގެން ތަހުގީގު ނުކުރޭ. ނަމަވެސް މައްސަލަ ތަހުގީގުކުރުމަށްޓަކައި ފޮނުވީ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް . . . "

މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަން ގާއިމު ނުކޮށްކަން އިސްވެ ދިޔަ ޕެރެގްރާފުގައިވާ އެމްއޭސީއެލްގެ އިއުތިރާފުން ސާބިތުވެއެވެ.

ހައްލުތައް

ވަޒީފާއިން ވަކުކުރުމުގެ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހަޅާފަރާތަކަށް ތިން ބާވަތެއްގެ ހައްލު ދިނުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެއީ:

(1)އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫއަކުރުން؛ ނުވަތަ

(2)މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ

(3)ބަދަލު ދިނުން.

މައްސަލަ ހުށަހަޅާ ފަރާތަކަށް މިއިން ހައްލެއް ޓްރައިބިއުނަލަށް ހޯދައި ދެވޭނީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލުގައި ސާބިތުވެއްޖެ ނަމައެވެ.

ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) އިން އެނގެނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ހައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުން ކަމެވެ. މި މާއްދާގައި މި ބުނާ އަސާސީ ހައްލުގެ މާނަ އަކީ އިސްތިސްނާއީ ހާލަތެއް ނެތް ނަމަ އެ މުވައްޒަފަކު ވަކިކުރި އިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުމެވެ. ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށެވެ.

ވަޒީފާއިން ވަކިކުރި އިރު މުވައްޒަފު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އެންގުމުގެ އަމުރަކީ އަދާލަތުގެ ހައްލެއް ކަމުގައިވާ، ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރާ އެއް ސިފައެއްގެ އަމުރެކެވެ. އެހެންކަމުން އަދާލަތުގެ ހައްލެއް ކަމުގައިވާ، ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރާ އެއްފަދައިން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒިފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ބައެއް ހާލަތުތަކެއް ހުންނާނެއެވެ. އެކަން ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގެ ފަހު ޖުމްލައިން ސާފުކޮށް އެނގެއެވެ. އެހެންކަމުން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އަމުރެއް ނެރުމުގެ ކުރިން އެ އަމުރެއް ނެރުމަށް ހުރަސް އަޅާ ހާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބަލަންވާނެއެވެ.

އިސްވެ މި ބަޔާންކުރި ފަދައިން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒިފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާފާނޭ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން ނެތް ކަމަށް ބެލެވިދާނެ ބައެއް ހާލަތްތައް ތިރީގައި މިވަނީއެވެ.

(1)އަނބުރާ އިއާދަނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން؛

(2)ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވުން؛

(3)ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން؛

(4)ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން؛

ހަމަ އެގޮތަށް، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒިފާއަށް ރުޖޫއަކުރުމަށް ބާރު އަޅާ ހާލަތުތަކެއް ވެސް އެ މައްސަލައެއްގައި ހުރެދާނެއެވެ. އެފަދަ ބައެއް ހާލަތުތަކަކީ:

(1)މުވައްޒަފުކުރި ޣައިރުސުލޫކީ އަމަލަކީ އެފަދަ ފުރަތަމަ އަމަލުކަމަށްވެފައި، އެ ހާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ހައްލަކީއެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ހާލަތުތައް؛

(2)އެ ވަޒީފާއަށް އެމުވައްޒަފު ރުޖޫއަ ނުކޮށްފިނަމަ، އެމައްސަލައިގައި ހިމެނޭ މުވައްޒަފުގެ ހުރި ޚާއްސަ ހާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަހީލު ކަމަކަށް ވުން؛

(3)ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަ ނުކޮށްފިނަމަ، އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުންކަމަށް ދޭހަވާނޭ ހާލަތުތައް؛

އަނބުރާ އިއާދަ ނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން

އާންމު ގޮތެއްގައި ވަޒީފާގެ ގުޅުމުގައި ދިމާވާ ޚިލާފުވުންތަކާއި ޝައްކުތަކާ އެކުވެސް އެ ގުޅުން ދެމެހެއްޓުމުގެ ގާބިލުކަން ދެފަރާތަށް ލިބިގެންވެއެވެ. ވަރަށް މަދު ފަހަރަކު މެނުވީ ސަތޭކަ ޕަސެންޓު އިތުބާރަކީ އޮންނާނެ އެއްޗެއް ނޫނެވެ. އެހެން ކަމުން ސުވާލަކީ ވަޒީފާއަށް އަނބުރާ ރުޖޫއަ ކުރަން ނުފެންނަކަމަށް ނިންމާނީ ވަޒީފާ ދޭފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމަށް ގަބޫލުކުރެވުމުން ހެއްޔެވެ. ވަޒީފާދޭ ފަރާތާއި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފާ ދެމެދުގައި ކޮންމެވެސް މިންވަރެއްގެ އިތުބާރެއް އޮވެގެން މެނުވީ ވަޒީފާގެ ގުޅުން ދެމެހެއްޓުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ދެފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްސަ ހާލަތްތައް ވަޒަންކޮށްގެންނެވެ.

އެހެންކަމުން، ވަޒީފާއަށް އަނބުރާ ރުޖޫއަކުރާނީތޯ ނުވަތަ ބަދަލުދިނުމަށް އަމުރުކުރާނީތޯ ކަނޑައެޅުމުގައި އެ މައްސަލައިގައި ހިމެނޭ ޚާއްސަ ހާލަތުކަކާއި ކަންކަން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަޒަންކުރަންވާނެ އެވެ. މިސާލަކަށް އެ މުވައްޒަފަކީ ވަރަށް ސިއްރު މައުލޫމާތުތަކެއް ބަލަހައްޓަންޖެހޭ ގޮތަށް ބޮޑެތި އިޚްތިޔާރުތައް ދީފައި އޮންނަ މުވައްޒަފަކު ކަމަށް ވެފައި، ވަޒީފާދޭ ފަރާތުގެ މުޅި ވިޔަފާރި ދެމިއޮތުމާއި ނެތުން އޮންނަނީ އެ މުވައްޒަފުގެ މައްޗަށް ކުރެވޭ އިތުބާރުގެ މައްޗަށް ކަމަށްވެފައި، އެ މުވައްޒަފުގެ އިތުބާރާ މެދު ވަޒީފާދޭ ފަރާތުގެ ޝައްކެއް އޮތްނަމަ އެ ހާލަތުގައި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފު އަނބުރާ ވަޒީފާއަށް ރުޖޫއަކުރުމަކީ އެންމެ އެކަށީގެންވާ ގޮތްކަމަށް ނުވެ ހިނގައިދާނެއެވެ.

ވަރަށް ގިނަ ފަހަރަށް ވަޒީފާ ދޭފަރާތުން ވަކާލާތުކުރާނީ ވަކިކުރެވިފައިވާ މުވައްޒަފުގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމަށް ކަމުގައިވީ ހިނދު، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމުގެ ހަގީގަތް ވަރަށް ފަރުވާތެރިކަމާއެކު ވަޒަންކޮށް، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމަކީ ބުއްދީގެ ހަމަތަކުގެ މަތިން ދެކޮޅުޖެހޭ، ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާ ކޮށްގެން ބުނާ ބުނުމެއްތޯ ބަލަންވާނެއެވެ. ވަޒީފާދޭ ފަރާތުން ވަޒީފާއިން ވަކިކުރާ މުވައްޒަފަކު އަލުން ވަޒީފާއަށް ނެގުމަށް ވަޒީފާދޭ ފަރާތުން ވަރަށް ގިނަފަހަރަށް ފަސްޖެހޭނެއެވެ. އެގޮތަށް ފަސްޖެހޭ ފަސްޖެހުމަކީ ވަޒީފާއަށް ރުޖޫއަ ނުކުރަންޖެހޭ މަގުބޫލު އުޒުރެއް ނޫނެވެ. އަދި އެގޮތަށް ފަސްޖެހޭ ފަސްޖެހުމަކީ ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ ގުޅުމުގެ އިތުބާރު މުޅިގެން ގެއްލިފައިވާ ކަމަށް ބަލަންޖެހޭ ސަބަބެއްވެސް ނޫނެވެ. މިސާލަކަށް، އޮސްޓްރޭލިއާގެ ގަޒިއްޔާއެއް ކަމުގައިވާ ޕަރކިންސް ވ. ގްރޭސް ވާރލްޑްވައިޑް ގައި ކުންފުނީގެ މުވައްޒަފުންތަކަކަށް އެ ކުންފުނީގެ އެހެން މުވައްޒަފެއް ކަމަށްވާ ޕަރކިންސް މަސްތުވާތަކެތި ސަޕްލައިކޮށްދީފައި ވާތީވެ، ނޯޓިސް ދިނުމެއްނެތި ޕަރކިންސް ވަގުތުން ވަޒީފާއިން ވަކިކުރިއެވެ. މައްސަލައިގައި ޝަރިއަތްކުރި ފަނޑިޔާރު ނިންމާފައިވަނީ ޕަރކިންސް މަސްތުވާތަކެތި ސަޕްލައިކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ. ނަމަވެސް އެ މައްސަލަ ބެލި ފަނޑިޔާރު ނިންމާފައިވަނީ މުވައްޒަފު އަނބުރާ ވަޒީފާއަށް ރުޖޫއަކުރަން ނުފެންނަ ކަމަށެވެ. ވަޒީފާއަށް ރުޖޫއަކުރަން ނުފެންނަ ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ޕަރކިންސް މަސްތުވާތަކެތި ސަޕްލައިކުރިކަމަށް ވަޒީފާދޭ ފަރާތުން ގަބޫލުކުރާތީވެ އޭގެ ނަތީޖާއެއްގެ ގޮތުން ވަޒީފާދޭ ފަރާތާއި ޕަރކިންސްއާ ދެމެދުގައިވާ އިތުބާރު ގެއްލިފައި ވާތީވެ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަކީ އަމަލީ ކަމަކަށް ނުވާތީއެވެ. ނަމަވެސް މި މައްސަލައިގައި ޝަރީއަތްކުރި ކޯޓުން ނިންމި ނިންމުން ކޯޓް އޮފް އެޕީލް އިން ބަދަލުކުރަމުން ބުނެފައިވަނީ ވަޒީފާދޭ ފަރާތުން ޣައިރުސުލޫކީ އަމަލެއް ކޮށްފައިވާކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިކުރި އެ މުވައްޒަފު ނެގުމަށް ފަސްޖެހުމަކީ ކޮންމެހެން އެ ދެ ފަރާތުގައިވާ އިތުބާރު ގެއްލިއްފައިވާތީވެ އެ މުވައްޒަފު ވަޒީފާއަށް ރުޖޫއަ ކުރުމަކީ އަމަލީ ގޮތެއް ނޫންކަމަށް ބަލަންޖެހޭ ސަބަބެއް ނޫންކަމަށެވެ. އެޕީލް ކޯޓުގެ ރައުޔަކީ، މިގޮތަށް ކޯޓުގެ ވިސްނުން ބަހައްޓާނަމަ، އެކަމުގެ ސަބަބުން މުވައްޒަފު ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަކީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަށް ލިބެންވާނެ ކަމަށް ގާނޫނުގައި ބަޔާންކުރާ އަސާސީ ހައްލުން އެ މުވައްޒަފަކު މަހުރޫމުވާނެ ކަމެއް ކަމަށެވެ.

ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާ ދެމެދުގައި އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވުން

ވަޒީފާއިން ވަކިކުރުމާއި ވަޒީފާ ދިނުމަށް އަމުރުކުރުމާ ދެމެދުގައި ދިގު މުއްދަތެއް ވޭތުވެފައި ވާނަމަ، އެ ހާލަތުގައި ވަޒީފާއިން ވަކިކުރި މުވައްޒަފު އެހެން ވަޒީފާއެއް ގައި ހުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އަދި އަލުން އެވަޒީފާއަށް ނިކުންނަ ނަމަ އެ ވަޒީފާގެ ބާވަތުން އަލުން އިތުރު ތަމުރީން ހަދަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އެ ހާލަތުގައި އެންމެ އިންސާފުވެރި ގޮތަކީ ކޮބައިކަން ކަނޑައެޅުމަކީ މުހިންމު ކަމެކެވެ.

ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން

ބައެއް ފަހަރު ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަކީ ކުޑަ ވިޔަފާރިއެއް ކަމުގައިވާނަމަ، މުވައްޒަފު އައުމުގެ ސަބަބުން މުވައްޒަފަކު އިތުރުވުމުން ޚަރަދު ބޮޑުވާގޮތް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ. ޚާއްސަގޮތެއްގައި ކުރިން އެ މުވައްޒަފަކު ހުރި ވަޒީފާއަށް އެހެން މުވައްޒަފަކު ނަގާފައިވާ ނަމައެވެ. ނަމަވެސް ވަޒީފާދޭ ފަރާތަކީ ބޮޑު ވިޔަފާރި ތަނެއް ނަމަ އެއީ އެހާބޮޑު މައްސަލައަކަށް ނުވުމަކީ އެކަށީގެންވާ ކަމެކެވެ.

ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ނެގެން ނެތުން

މުވައްޒަފަކު ވަޒީފައިން ވަކިކުރުމާއި އަލުން އެ މުވައްޒަފަކު ވަޒީފާއަށް ރުޖޫއަކުރުމާ ދެމެދުގައި ވަޒީފާދޭ ފަރާތުގެ ވިޔަފާރިއަށް ހެޔޮނޫން ބަދަލުތަކެއް އައިސްފައިވާ ވަގުތެއްގައި އެ މުވައްޒަފު ވަޒީފާއަށް ރުޖޫއަކުރަން އަމުރުކުރުމަކީ އެންމެ ރަނގަޅުގޮތްތޯ ވިސްނާލުމަކީ ވެސް ރަނގަޅު ގޮތެކެވެ. ބައެއް ފަހަރު، ކުރިން އެ މުވައްޒަފު ވަޒީފާ އަދާކުރަމުންދިޔަ ޑިޕާޓްމެންޓު އުވާލުމުގެ ސަބަބުން ނުވަތަ އެ މަސައްކަތެއް އެތަނަކުން ހުއްޓާލުމުގެ ސަބަބުން އެ މުވައްޒަފު ތަމްރީނުވެފައިވާ ނުވަތަ ޚާއްސަވެފައިވާ ދާއިރާއިން ކުރާނެ މަސައްކަތެއް އެތަނުގައި އޮތްތޯ ބެލުމަކީވެސް ރަނގަޅު ކަމެކެވެ.

އެހެނިހެން ކަންކަން

ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން އަމުރުކުރާއިރު އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި އިނާޔަތްތައް ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ގޮތަށް ދޭން އަމުރުކުރުމަކީ ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެކެވެ. ނަމަވެސް މުޅި މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި އިނާޔަތްތައް އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫނެވެ. އެ މުވައްޒަފަކު އެ މުއްދަތުގެ ތެރޭގައި ވަޒީފާގައި ހުރިނަމަ ލިބޭނޭ މުސާރައާއި އިނާޔަތްތަކުގެ ތެރެއިން ނަގައިދޭނެ މިންވަރެއް ކަނޑައަޅާނީ ޓްރައިބިއުނަލުން ނުވަތަ ކޯޓުންނެވެ. ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތް ނޫން އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަން ކޮންޓްރެކްޓާބެހޭ ގާނޫނުގެ 24 ވަނަ މާއްދާ އިން ސާފުކޮށް އެނގެން އޮތުމުން، ވަޒީފާ އަލުން އަނބުރާ ދިނުމަށް ކޯޓުން އަމުރު ކުރާއިރު، ވަޒީފާ އަލުން ދިނުމާދެމެދު ހިނގާފައިވާ މުއްދަތުގެ މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކުރުމުގައި އެ މުވައްޒަފަކަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭ ގޮތަށް އެފަދަ އަމުރެއް ކުރުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. ޚާއްސަކޮށް އެމީހަކު އެހެން ވަޒީފާއެއް އަދާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އާމްދަނީ ހޯދަމުން ގެންގޮސްފައިވާ ނަމަ ނަގައިދޭނެ މުސާރައާއި އިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެކަންކަމަށް ރިއާޔަތްކުރަންވާނެ އެވެ. އަދި ނަގައިދޭނޭ މިންވަރެއް ކަނޑައެޅުމުގައި އާއްމުކޮށް ދިވެހިރާއްޖޭގައި އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނެ ކަމަށް ގަބޫލުކުރެވޭ މުއްދަތަށް ވެސް ރިއާޔަތްކުރެވިދާނެއެވެ.

މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ އަސްފާޤު ވަޙީދު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް ކަމުގައި ޓްރައިބިއުނަލުން ކަނޑައަޅައި، މި މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ މެދުގައި އިތުބާރު ގެއްލިފައިވާތީވެ، ވަޒީފާ އަނބުރާ ރުޖޫއަކުރުމަކީ އެންމެ އަދުލު ވެރިގޮތް ކަމަށް ނުފެންނާތީވެ، އަސްފާޤު ވަޙީދު ކުރިން އަދާކުރަމުންގެންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމުގެ ބަދަލުގައި އަސްފާޤު ވަޙީދު އަށް ގެއްލުމުގެ ބަދަލެއް ނަގައިދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވެއެވެ. ނަމަވެސް ޓްރައިބިއުނަލުގެ އެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބާތިލުކޮށް ހައިކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ، މި މައްސަލައިގައި އެންމެ އަދުލުވެރި ހައްލެއް ކަމުގައި އެކޯޓުގެ ފަނޑިޔާރުންނަށް ބުރަވެވެނީ ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އަސްފާޤު ވަޙީދު ކުރިން އަދާކުރަމުން ގެންދިޔަ ވަޒީފާއަށް ރުޖޫއަކުރުން ކަމަށެވެ.

މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ދިނުމަށް އެންމެ އަދުލުވެރި ހައްލަކީ ކޮބައިތޯ ބެލުމަށްޓަކައި އިސްވެދިޔަ 25 ވަނަ ޕްރެގްރާފުން 34 ވަނަ ޕެރެގްރާފާ ހަމައަށް ބަޔާންކޮށްފައިވާ ހަމަތަކަށް ރިއާޔަތް ކުރާއިރު، އެމްއޭސީއެލްގައި އިސްތިއުނާފް ރައްދުވާ ފަރާތް އަދާކުރަމުން ގެންދިޔަ ވަޒީފާގައި ކުރަންޖެހޭ މަސައްކަތަކީ ފަސިންޖަރުންގެ ލަގެޖު މަތިންދާ ބޯޓަށް އެރުވުމުގެ މަސައްކަތްކަމަށްވެފައި އެ މައްސައްކަތަކީ އޭވިއޭޝަން ސެކިއުރިޓީއާ އެއަރލައިންތަކާއި ދަތުރުކުރާ ފަސިންޖަރުންގެ އިތުބާރާ ގުޅިފައިވާ މަސައްކަތެއް ކަމުގައިވުމާއެކު އެ މަސައްކަތް ކުރާ މީހެއްގެ މައްޗަށް އެ މަސައްކަތް ކުރުވާ ފަރާތުގެ ޔަގީންކަމާއި އިތުބާރު އޮވެގެން ނޫނީ މަސައްކަތް ނުކުރެވޭނެކަމަށްވާއިރު، މި މައްސަލައިގައި ހިމެނޭ ހާދިސާ ހިނގި ދުވަހު މުވައްޒަފު ޑިއުޓީގައި ހުރެ ފަސިންޖަރެއްގެ ފޮށި ހުޅުވި ސަބަބާބެހޭ ގޮތުން އެކަށީގެންވާ ޖަވާބެއް މި މައްސަލައިގެ އެއްވެސް މަރުހަލާއެއްގައި ބުނެދެވިފައި ނެތުމުން، މިހާލަތުގައި މުވައްޒަފުގެ މައްޗަށް ވަޒީފާދޭ ފަރާތުގެ އިތުބާރުގެއްލިފައިވާ ކަމަށް ބެލެވޭ ހިނދު އެފަދަ ހައްސާސީ މަސައްކަތެއް ކުރުން ހިމެނޭ ވަޒީފާއަކަށް އިސްތިއުނާފު ރައްދުވާ ފަރާތް ރުޖޫއަކުރުމަކީ އެންމެ މަސްލަހަތުހުރި ގޮތް ކަމަށް އަހުރެންނަކަށް ގަބޫލެއް ނުކުރެވެއެވެ.

ވީމާ، އަހުރެންނަށް ފެންނަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ގަޒިއްޔާގެ ހުކުމުގައި އިސްތިއުނާފު ރައްދުވާ ފަރާތް އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުން ގެންދިޔަ ވަޒީފާއަށް ރުޖޫއަކުރަން އަމުރުކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި، މި މައްސަލައިގެ އެންމެ އަދުލުވެރި ހައްލަކީ މި މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވާ ގޮތަށް އިސްތިއުނާފު ރައްދުވާ ފަރާތް ކުރިން އަދާކުރަމުންގެންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމުގެ ބަދަލުގައި އޭނާއަށް ގެއްލުމުގެ ބަދަލު ނަގައި ދިނުމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެންހުރުމުން:

(ހ)ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ގަޒިއްޔާގެ ހުކުމުގައި އިސްތިއުނާފު ރައްދުވާ ގއ. ދާންދޫ، ދަނޑިގެ އަސްފާޤު ވަޙީދު އެމްއޭސީއެލް ގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށް ބަލާނެ ތަނެއް ނެތް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅުއްވާފައިވާ ކަނޑައެޅުއްވުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކުރަމެވެ.

(ށ)މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ގއ. ދާންދޫ، ދަނޑިގެ އަސްފާޤު ވަޙީދު ވަޒީފާއިން ވަކިކުރުމުގެ ކުރިން އެމްއޭސީއެލްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަށާއި އަދި އޭނާ އަކީ އެއްވެސް ހާލަތެއްގައި ވަޒީފާއިން ވަކިކުރެވިފައިވާ މުވައްޒަފެއް ކަމުގައި ނުބެލުމާއެކު، އޭނާ ވަޒީފާގައި ހުރި ނަމަ އެ މުއްދަތުގައި އޭނާއަށް މުސާރައާއި އުޖޫރައާއި އިނާޔަތްތަކުގެ ގޮތުގައި ލިބޭނޭ ފައިސާ އޭނާ އަށް ލިބިދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/555 ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅުއްވާފައިވާ ކަނޑައެޅުން ބާތިލުރުމަށް މި މައްސަލަބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަމެވެ.

(ނ)އެމްއޭސީއެލްއާއި އިސްތިއުނާފު ރައްދުވާ ގއ. ދާންދޫ، ދަނޑިގެ އަސްފާޤު ވަޙީދުއާ ދެމެދުގައި އިތުބާރު ގެއްލިފައިވާތީ އާއި ވަޒީފާއިން ވަކިކުރެވުނު ފަހުން ދިގުމުއްދަތެއް ފާއިތުވެފައިވާތީވެ، ޓްރައިބިއުނަލުން ފާހަގަކުރި ފަދައިން، ވަޒީފާ އަނބުރާ ރުޖޫއަކުރުމަކީ އެންމެ އަދުލު ވެރިގޮތް ކަމަށް ނުފެންނާއީވެ، ވަޒީފާއަށް ރުޖޫއަކުރުމުގެ ބަދަލުގައި އިސްތިއުނާފު ރައްދުވާ ގއ. ދާންދޫ، ދަނޑިގެ އަސްފާޤު ވަޙީދު އަށް ގެއްލުމުގެ ބަދަލު ދިނުމަށް މިމައްސަލަބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަމެވެ.

(ރ)ޓްރައިބިއުނަލުގެ ނިންމުމުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ގއ. ދާންދޫ، ދަނޑިގެ އަސްފާޤު ވަޙީދު އަށް ނަގައިދިނުމަށް ކަނޑައަޅުއްވާފައިވާ ފައިސާގެ އަދަދަކީ އަދުލުވެރި އަދަދެއް ކަމަށް ކަނޑައަޅައި، 34,800.00 (ތިރީސް ހަތަރުހާސް އަށްސަތޭކަ) ރުފިޔާ އެމްއޭސީއެލް ގެ ކިބައިން އިސްތިއުނާފު ރައްދުވާ ގއ. ދާންދޫ، ދަނޑިގެ އަސްފާޤު ވަޙީދު އަށް ނަގައި ދިނުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅަމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ