އަޙްމަދު ޖައިލަމް ވ. ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަކިކުރިކަމަށް ކަނޑައަޅައި ބަދަލުގެ ގޮތުގައި 51,000 ރުފިޔާ ދިނުމަށް ނިންމި ނަމަވެސް، އިތުބާރު ގެއްލިފައިވާތީ ވަޒީފާއަށް އަނބުރާ ރުޖޫޢަ ނުކުރުމަށް ނިންމިއެވެ. ހައިކޯޓުން ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- 2003 އިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ބާޖް ކެޕްޓަނެއްގެ ވަޒީފާ އަދާކުރަމުން އައި އަޙްމަދު ޖައިލަމް، 2 އެޕްރީލް 2021 ގައި ކުންފުނީގެ އިސްވެރިންނާއެކު ބޭއްވުނު ބައްދަލުވުމުގައި ޑިސިޕްލިނަރީ ޕޮލިސީއާ ޚިލާފުވިކަމަށް ބުނެ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ 15 އެޕްރީލް 2021 ގައި ވަޒީފާއިން ވަކިކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުކޮށް ވަޒީފާއިން ވަކިކުރި މުވައްޒަފަކު، އިތުބާރު ގެއްލިފައިވާކަމަށް ބުނެ ވަޒީފާއަށް އަނބުރާ ރުޖޫޢަނުކުރުމަށް ޓްރައިބިއުނަލުން ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކުރީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ؛ އަދި ޓްރައިބިއުނަލްގެ ނިންމުން ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފުކަމަށް ބުނާ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ނުކުތާއެއްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަށްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އަޙްމަދު ޖައިލަމް ބުނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ފުރަތަމަ ބަލަންވާނީ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ކަމަށާއި، ބައްދަލުވުމެއްގައި ޚިޔާލު ފާޅުކުރުމުން އިތުބާރު ނުގެއްލޭނެކަމަށާއި، ސުޕްރީމް ކޯޓުގެ ސާބިޤާތަކަށް ޓްރައިބިއުނަލުން ރިޢާޔަތްނުކުރި ކަމަށެވެ. ކުންފުނިން ބުނީ 29 ވަނަ މާއްދާގެ (ށ) އަކީ އިސްތިސްނާއެއް ނެތް ޙުކުމެއް ނޫންކަމަށާއި، މުވައްޒަފުގެ ޢަމަލުގެ ސަބަބުން އިތުބާރު ގެއްލިފައިވާތީ ޓްރައިބިއުނަލާއި ހައިކޯޓުން ނިންމީ ރަނގަޅަށް ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ތުހުމަތުކުރެވުނު ޢަމަލަކީ ކުންފުނީގެ އަމިއްލަ މިންގަނޑުތަކުގައި ފުރަތަމަ ފަހަރަށް އިންޒާރު ދެވޭ ދަރަޖައިގެ ޢަމަލެއް ކަމާއި، ދިގު މުއްދަތެއް ވަޒީފާގައި ހުރި މުވައްޒަފެއްގެ ފުރަތަމަ އެކަހެރި ހާދިސާއެއް ކަމުން، އިތުބާރު މުޅިން ގެއްލިފައިވާކަން ކުންފުންޏަށް ސާބިތުކޮށްނުދެވުނެވެ. ޓްރައިބިއުނަލުން މަތީ ކޯޓުތަކުގެ އުޞޫލުތަކަށް ރިޢާޔަތްކުރަންޖެހޭތީ ފަނޑިޔާރުންގެ ޤާނޫނުގެ 5 (ށ) (2) އާ ގުޅޭ ނުކުތާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެކެވެ. އެހެންކަމުން ދަށު ނިންމުންތައް ބާޠިލުކޮށް، 14 ދުވަހުގެ ތެރޭގައި ވަޒީފާ ހަމަޖައްސައިދިނުމާއި 6 މަސްދުވަހުގެ އަސާސީ މުސާރަ ދިނުމަށް އަމުރުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2022/HC-A/219
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމާއި ޓްރައިބިއުނަލްގެ ނިންމުން ބާޠިލު؛ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމާއި 6 މަސްދުވަހުގެ އަސާސީ މުސާރަ ދިނުމަށް އަމުރު
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބެލެވޭ ޙާލަތުގައި މުވައްޒަފު އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން މުވައްޒަފަށް ލިބިދޭ ޤާނޫނީ ޙައްލުތަކުގެ ތެރޭގައި ހިމެނޭ ޙައްލެކެވެ. އަނބުރާ އިޢާދަ ނުކުރެވޭނެ މިންވަރަށް ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުމަކީ، ވަޒީފާ އަނބުރާ ދިނުމަށް ހުރަސް އެޅިދާނެ ނުވަތަ ޢަމަލީ ގޮތުން ކުރެވެން ނެތްކަމަށް ބެލެވިދާނެ ޙާލަތްތަކުގެ ތެރޭގައި ހިމެނެއެވެ. (ޕެރ. 15)
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ މާނަކުރަންޖެހޭނީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބުނާ ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖުތަމަޢުގައި ޢަމަލުކުރާ އުޞޫލުތަކާ އެއްގޮތަށެވެ. ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމުގައި ބެލެވޭ ހެކި، ވަޒީފާދޭ ފަރާތުން އިޖާބީ ގޮތެއްގައި ސާބިތުކޮށްދޭންޖެހެއެވެ. (ޕެރ. 16)
ވަޒީފާއިން ވަކިކުރުމަށްފަހު ދެ ފަރާތުގެ މެދުގައި ފުރިހަމަ އިތުބާރު އޮތުމަކީ ނާދިރު ކަމެއް ކަމުން، އިތުބާރު ގެއްލިފައިވާކަމަށް ވަޒީފާދޭ ފަރާތުން ބުނާ ބުނުމަކީ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާކޮށްގެން ބުނާ ބުނުމެއްތޯ، ފަރުވާތެރިކަމާއެކު ބުއްދީގެ ހަމަތަކުގެ މަތިން، އެ މައްސަލައިގެ ވަށައިގެންވާ ޙާއްޞަ ޙާލަތްތަކުގެ އަލީގައި ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަޒަންކުރަންވާނެއެވެ. ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްތޯ ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގެ ޙާއްޞަ ޙާލަތްތައް ވަޒަންކޮށްގެންނެވެ. (ޕެރ. 17-18)
ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު އޮތުމާއި ނެތުން ބިނާވަނީ މުވައްޒަފު ކުރިކަމަށް ތުހުމަތުކުރެވޭ ޢަމަލާއި، އެ ޢަމަލާ ގުޅިގެން ވަޒީފާދޭ ފަރާތުން މުވައްޒަފާމެދު ޢަމަލުކުރި ގޮތުގެ މައްޗަށެވެ. ވަޒީފާދޭ ފަރާތުގެ އަމިއްލަ ޑިސިޕްލިނަރީ މިންގަނޑުތަކުގައި ފުރަތަމަ ފަހަރަށް އިންޒާރު ދިނުމަށް ކަނޑައަޅާފައިވާ ދަރަޖައެއްގެ ޢަމަލެއް، ދިގު މުއްދަތަކަށް ވަޒީފާގައި ހުރި މުވައްޒަފަކު ފުރަތަމަ ފަހަރަށް ކޮށްފިނަމަ، އެފަދަ އެކަހެރި އެންމެ ހާދިސާއެއްގެ ސަބަބުން އިތުބާރު މުޅިން ގެއްލުނީ ކިހިނެއްކަން ވަޒީފާދޭ ފަރާތަށް އިޖާބީ ގޮތެއްގައި ސާބިތުކޮށްނުދެވިއްޖެނަމަ، ވަޒީފާއަށް އަނބުރާ ރުޖޫޢަ ނުކުރެވޭ މިންވަރަށް އިތުބާރު ގެއްލިފައިވާކަމަށް ނުބެލެވޭނެއެވެ. (ޕެރ. 19-24)
ޓްރައިބިއުނަލަކީ ކޯޓެއް ނުވަތަ ފަނޑިޔާރު ގެއެއް ނޫން ނަމަވެސް، ޓްރައިބިއުނަލުން އަދާކުރަނީ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ދައުރެވެ. ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ޠަބީޢީ އިންޞާފުގެ އުޞޫލުތަކަށް ރިޢާޔަތްކުރަންޖެހޭއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ ދަށުން ޓްރައިބިއުނަލްގެ ނިންމުންތައް ސީދާ ހައިކޯޓުގައި އިސްތިއުނާފުކުރެވޭތީ، ޓްރައިބިއުނަލުން އަދާކުރަނީ ކޯޓެއްގެ ދައުރެވެ. (ޕެރ. 28-31)
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކުރަންޖެހޭނެކަމަށް ޚާއްޞަ ނައްޞެއް ނެތް ނަމަވެސް، ޤާނޫނުތަކާއި ގަވާއިދުތައް މާނަކޮށް މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ޓްރައިބިއުނަލުން ރިޢާޔަތްކުރަންވާނެއެވެ؛ އެ އުޞޫލު ބަޔާންކުރާ ޤާނޫނީ ނައްޞަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރެވެ. މަތީ މަރުޙަލާގެ ކޯޓަކުން ވަކި މާއްދާއެއް ތަޠުބީޤުކުރުމުގައި ކަނޑައަޅާ އުޞޫލު އެ މާއްދާ ތަޠުބީޤުކުރަންޖެހޭ ކޮންމެ ބާވަތެއްގެ މައްސަލައަކަށް ހިނގާއިރު، މުހިންމު ވާޤިޢާތައް (material facts) އެއްގޮތް މައްސަލަތައް ކުރިން ނިންމި މައްސަލައާ އެއްގޮތަށް ނިންމަންވާނެއެވެ. (ޕެރ. 32-33)
ޓްރައިބިއުނަލްގެ ނިންމުން ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފުކަމަށް ބުނާ ހިސާބުން، މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތައް ޓްރައިބިއުނަލުން ތަޠުބީޤުކޮށްފައި ނުވާކަމަށް ބުނެވޭކަން އިތުރު ތަފްޞީލަކާ ނުލައި ސާފުވާތީ، އެފަދަ ނުކުތާއަކީ އިތުރަށް ޝަރަޙަކޮށްދިނުމަކާ ނުލައި ގޮތެއް ނިންމެން ނެތް، އިސްތިއުނާފީ އޮޅިގަނޑު ގިރާނުކުރާ ނުކުތާއެއް ނޫނެވެ. (ޕެރ. 35-36)
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވުމުގެ މާނައަކީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވުން ކަމުން، އެ ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުމަކުން މައްސަލައިގެ ނަތީޖާއަށް ބަދަލެއް ނާންނާނެއެވެ. އެހެންކަމުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާ ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫނެވެ. (ޕެރ. 39-40)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ، 29 ވަނަ މާއްދާގެ (ހ)، (ށ) އަދި (ރ)، 87 ވަނަ މާއްދާ އަދި 90 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 13/2010 (ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރު
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާ، 143 ވަނަ މާއްދާގެ (ރ) އަދި 274 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 43 ވަނަ މާއްދާގެ (ހ)
- ގަވާއިދު ނަންބަރު 2022/R-14 (ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ގަވާއިދު) ގެ 68، 106 އަދި 118 ވަނަ މާއްދާ
- 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު)
- [2021] SC 35 (އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް)
- [2021] SC 07 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ)
- 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން)
- 2017/SC-A/14 (ބޭންކް އޮފް މޯލްޑިވްސް ޕިލކ ވ. ފާތިމަތު މަލީޙާ ޖަމާލް)
- [2021] SC 30 (އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން)
- [2021] SC 18 (އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް)
- [2023] SC 28 (އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް)
ފަނޑިޔާރުން
- ބެންޗު
- ޢަލީ ރަޝީދު ޙުސައިން، ޑރ. މުޙައްމަދު އިބްރާހީމް، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް އަދި ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދު ކުރައްވާފައި)
ތަޢާރަފު
1މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/219 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ، އަޙްމަދު ޖައިލަމް (މީގެފަހުން "އަޙްމަދު ޖައިލަމް" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅުމުން ބެލުނު މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން "ފިއުލް ސަޕްލައިސް މޯލްޑިވްސް" ކަމަށް ބުނެފައިވާ ފަރާތް) އަށެވެ.
ކަންހިނގާފައިވާ ގޮތް
23 މާރޗް 2003 އިން ފެށިގެން ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ބާޖް ކެޕްޓަނެއްގެ މަޤާމު އަޙްމަދު ޖައިލަމް އަދާކުރަމުން ދަނިކޮށް، ނޯޓިސް ދިނުމަކާ ނުލައި 15 އެޕްރީލް 2021 ގައި އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކޮށްފައިވެއެވެ. އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކޮށްފައިވަނީ، 2 އެޕްރީލް 2021 ގައި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ އިސްވެރިންނާއި އެ ކުންފުނީގެ ބާޖުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއެކު ބޭއްވުނު ބައްދަލުވުމުގައި އަޙްމަދު ޖައިލަމް ކުންފުނީގެ ޑިސިޕްލިނަރީ ޕޮލިސީއާ ޚިލާފުވެފައިވާކަމަށް ބުނެ ވަޒީފާއާބެހޭ ޤާނޫނު ގެ 23 ވަނަ މާއްދާގެ ދަށުންނެވެ.
3އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަކާ ނުލައި ކަމުގައި ބުނެ އޭނާގެ ފަރާތުން މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިގޮތް
4ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަޙްމަދު ޖައިލަމް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 129/VTR/2021 މައްސަލައިގެ ގޮތުގައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އަންނަނިވި ގޮތަށެވެ.
4.1. އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަން؛
4.2. ދެ ފަރާތުގެ މަސްލަޙަތަށް ބަލައި ވަޒީފާ އިއާދަކޮށްދިނުމަކީ އެންމެ ޢަދުލުވެރިގޮތް ކަމަށް ނުފެންނާތީ އަޙްމަދު ޖައިލަމްއަށް އަލުން އަނބުރާ ވަޒީފާ ދޭން އަންގާނެ ޖާގައެއް ނެތްކަން؛
4.3. ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކޮށްފައިވާތީ، އެ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އާއި 87 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ޢަދުލުވެރި ބަދަލެއްގެ ގޮތުގައި 6 މަސް ދުވަހުގެ އަސާސީ މުސާރައާއި ލިވިންގ އެލަވެންސްގެ ގޮތުގައި ޖެހޭ ޖުމްލަ -51,000ރ. (ފަންސާސް އެއްހާސް ރުފިޔާ) އަކީ އަޙްމަދު ޖައިލަމްއަށް ދޭންޖެހޭ ފައިސާ ކަން.
5ޓްރައިބިއުނަލްގެ މި ނިންމުން ހައިކޯޓުގައި އަޙްމަދު ޖައިލަމްގެ ފަރާތުން އިސްތިއުނާފުކޮށްފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
6ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2022/HC-A/219 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާގައި އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށެވެ.
6.1. ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފުކަމަށް ބުނި ނަމަވެސް އެ ބުނުމަށް ތާއީދުކުރުމަކީ ޤާނޫނީ ހަމައިން ކުރެވިދާނެ ކަމެއް ކަމަކަށް ދޭހަކޮށްދޭ އެއްވެސް ޤާނޫނީ އަސާސެއް އަޙްމަދު ޖައިލަމްގެ ފަރާތުން ހުށަހަޅާފައި ނުވާތީ، އެ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަން؛
6.2. އަޙްމަދު ޖައިލަމް ވަޒީފާއަށް ރުޖޫޢަނުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ ދެ ފަރާތުގެ މަސްލަޙަތަށް ބެލުމަށްފަހު ޓްރައިބިއުނަލަށް ވާޞިލުވެވުނު ނަތީޖާއެއްގެ މައްޗަށް ކަމަށްވާތީއާއި، ޓްރައިބިއުނަލްގެ އެ ނިންމުން ގޯސްވާ ސަބަބެއް އަޙްމަދު ޖައިލަމްއަށް ބުނެދެވިފައި ނުވާތީ އެ ނިންމުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަން.
7ހައިކޯޓުގެ މި ނިންމުން އަޙްމަދު ޖައިލަމްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފު
8ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފު ކުރަމުން އަޙްމަދު ޖައިލަމްގެ ފަރާތުން އިސްތިއުނާފީ ދެ ނުކުތާ ހުށަހަޅާފައިވެއެވެ.
8.1. އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، އަޙްމަދު ޖައިލަމް އަނބުރާ ވަޒީފާއަށް ރުޖޫޢަކުރާނެފަދަ އަމުރެއް ނެރެދިނުމަކީ ދެ ފަރާތުގެ މަޞްލަޙަތަށް ބަލާއިރު އެންމެ ޢަދުލުވެރިގޮތް ކަމަށް ނުފެންނާތީ އޭނާއަށް އަނބުރާ ވަޒީފާ ދޭން އަންގާނެ ތަނެއް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާ އާއި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާ އާއި އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާ އާއި ބޭންކް އޮފް މޯލްޑިވްސް ޕިލކ ވ. ފާތިމަތު މަލީޙާ ޖަމާލް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށްބުނެ، ހައިކޯޓަށް އިސްތިއުނާފުކުރި ނުކުތާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ރަނގަޅުކަމަށް ހައިކޯޓުން ނިންމާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާއި ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށްބުނެ ހުށަހެޅި ނުކުތާއެވެ.
8.2. އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، އިސްތިއުނާފު ކޮށްފައިވާ ހައިކޯޓުގެ ޤަޟިއްޔާ ނިންމުމުގައި، ހައިކޯޓަށް ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަމަށް ކަނޑައަޅާފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދެފަރާތުން ދައްކާފައިވާ ވާހަކަ
9އިސްތިއުނާފުގެ ތަފްޞީލުގައި އަޙްމަދު ޖައިލަމްގެ ފަރާތުން ބުނެފައިވަނީ، އަނބުރާ އިއާދަ ނުކުރެވޭ މިންވަރަށް ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވޭތޯ ބެލުމުގައި ބަލަންވީ ކަންކަން އެކި ޤަޟިއްޔާތަކުގައި ވަނީ ކަނޑައަޅާފައި ކަމަށާއި އެއީ އާބިޓްރަރީކޮށް ނުވަތަ ވަކި ހަމައެއް ނެތި ކަނޑައެޅޭނެ ކަމެއް ނޫންކަމަށެވެ. އަދި ނިންމުންތައް ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ނިންމުމަށް ތަޠުބީޤުކުރާނީ ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލުތަކާއި ނިންމުންތައް ކަމަށްވެފައި، އެ ނިންމުންތައް އެ އުސޫލުތަކާ ޚިލާފުވެފައިވާނަމަ މަތީ މަރުޙަލާ ކޯޓުތަކުން އެ ނިންމުން ބަދަލުކޮށްފައިވާއިރު، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ގައި ކަނޑައަޅާފައިވަނީވެސް އެ އުސޫލުކަމަށްވާތީ، އެ އުސޫލަށް ޙަވާލާދީފައި އޮތް އޮތުން އެއީ ހަމައެކަނި އެކަމުގެ މައްޗަށް ބަލައި އިސްތިއުނާފީ އޮޅިގަނޑު ގިރާ ނުކުރެވޭނެފަދަ ޙާލަތެއް ކަމުގައި ބެލެވޭނެ ޙާލަތެއް ނޫންކަމަށް އަޙްމަދު ޖައިލަމްގެ ފަރާތުން ބުނެފައިވެއެވެ.
10އިސްތިއުނާފުގެ ރައްދުގައި ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ބުނެފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި، ޓްރައިބިއުނަލުން އަމުރެއް ނެރުމުގައި ފުރަތަމަ ބަލަންވާނީ އެ މުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުމަށާއި، ނުވަތަ އެ ވަޒީފާއާ ގުޅޭ ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށް ކަމަށް ބުނެފައި އޮތް އޮތުމަކީ އެއްވެސް އިސްތިސްނާއެއް ނެތި ބުނެފައި އޮތް އޮތުމެއް ނޫން ކަމަށާއި، އެ އަކުރުގެ އެންމެ ފަހު ޢިބާރާތަށް ބަލާއިރު، ވަޒީފާއިން ވަކިކުރެވުނު ޙާލަތްތަކަށާއި، ވަޒީފާއިން ވަކިކުރަން ދިމާވީ މުވައްޒަފަކު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ އެކަމަށް ރިޢާޔަތްކޮށް އޭނާ ވަޒީފާއަށް އަނބުރާ އިއާދަ ނުކޮށް އެކަމުން ދުރަށް ދެވިދާނެކަން އެނގޭ ކަމަށެވެ. ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން އިތުރަށް ބުނެފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބެލުމުގައި ޚިލާފުވި ޤާނޫނަކީ ކޮބައިކަން ކަނޑައަޅައި ބަޔާންކޮށްފައި އޮތުމާއި، ފަނޑިޔާރުން މައްސަލަ ބަލަންޖެހޭނީ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ކަމަށްވާތީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 2 ވަނަ ނަންބަރާ ގުޅުވައި އަޙްމަދު ޖައިލަމް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުން ބަލަންޖެހޭނީ އެ ނުކުތާގައި ބަޔާންކޮށްފައިވާ ޤާނޫނާ ޚިލާފަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ބަލާފައިވޭތޯ ނުވަތަ ނޫންތޯ ކަމަށާއި، އެ ނުކުތާގައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ސުޕްރީމް ކޯޓުގެ އެއްވެސް ޤަޟިއްޔާއެއްގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް އެއްބަސްވެވެން ނެތްކަމަށެވެ.
ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް ސުވާލު
11އަޙްމަދު ޖައިލަމްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފަށް ބަލާއިރު، ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހެނީ ދެކަމަކާ ގުޅިގެންނެވެ. އެއީ،
11.1 މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރެވިފައި ނުވާކަމަށް ކަނޑައަޅާފައިވާއިރު، ވަޒީފާއަށް އަނބުރާ ރުޖޫޢަ ނުކުރެވޭނެކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ހައިކޯޓުން ތާއީދުކޮށްފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށްތޯ ނުވަތަ ނޫންތޯ އާއި،
11.2. އަޙްމަދު ޖައިލަމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ އިސްތިއުނާފުގެ އޮޅިގަނޑު ގިރާ ނުކުރާކަމަށް ނިންމާފައިވާ ނިންމުން ޤާނޫނީ އުސޫލުތަކާ އެއްގޮތްތޯ ނުވަތަ ނޫންތޯއެވެ.
ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން
12އަޙްމަދު ޖައިލަމްގެ ފުރަތަމަ އިސްތިއުނާފީ ނުކުތާ ބިނާވަނީ، އޭނާ ފިއުލް ސަޕްލައިސް މޯލްޑިވްސްގައި އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަ ނުކުރުމަށް ނިންމާފައިވާ ނިންމުމުގެ މައްޗަށެވެ. އަޙްމަދު ޖައިލަމް ބުނެފައިވަނީ، މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ނިންމާ ޙާލަތުގައި އެ މުވައްޒަފަށް ލިބިދޭންޖެހޭ ފަރުވާއަކީ ކޮބައިތޯ ކަނޑައެޅުމުގައި އެންމެ ފުރަތަމަ ބަލަންވާނީ، އެފަރާތެއް ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާގައި އަލުން ބެހެއްޓުންކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) އާއި (ށ) އިން އެނގޭކަމަށެވެ. އަދި އަޙްމަދު ޖައިލަމްއަކީ ކުންފުނީގެ ގިނަ ދުވަސްވެފައިވާ މުވައްޒަފަކަށް ވެފައި، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި، ކުންފުނީގެ މުވައްޒަފުންގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއްގައި ޚިޔާލު ފާޅުކުރުމުން ކަމަށްވާއިރު، ޚިޔާލު ފާޅުކުރުމަކީ މުވައްޒަފާއި ވަޒީފާދޭ ފަރާތާ ދެމެދު އިތުބާރު ގެއްލުނުކަމަށް ބަލަންޖެހޭ ކަމެއްކަމަށް ނުވާތީ، ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ ގުޅުމުގެ އިތުބާރު މުޅިންހެން ގެއްލިފައިވާ ކަމަށް ބަލަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށެވެ.
13މި ނުކުތާގެ ރައްދުގައި ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ބުނެފައިވަނީ، 2 އެޕްރީލު 2021 ގައި ކުންފުނީގެ ފަރާތުން ބޭއްވި ބައްދަލުވުމުގައި އަޙްމަދު ޖައިލަމްގެ ފަރާތުން މުޢާމަލާތު ކުރުމުގައި އެކަށީގެންނުވާ އަޅްލާޤީ މިންގަނޑުން ބޭރުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާއި އިސް މެނޭޖްމަންޓް ޓީމާއި މުޢާމަލާތްކޮށް، ހަޅޭއްލަވައި، އެ ބައްދަލުވުމުގައި މުސާރަ ބޮޑު ނުކޮށްފިނަމަ ދަތުރު ނުކުރާނެ ކަމުގެ ބިރު ދައްކާފައިވާތީ، މިފަދަ ގޮތަކަށް ހުރިހާ ސްޓާފުންގެ ކުރިމަތީގައި ކުންފުނީގެ މެނޭޖްމަންޓްގެ އިސް ބޭފުޅުންނާ މުޢާމާލާތްކޮށް، މުވައްޒަފުންގެ އަޅްލާޤީ މިންގަނޑު ބަހައްޓަންޖެހޭ މިންގަނޑުގެ ބޭރުން އަޙްމަދު ޖައިލަމްގެ ޢަމަލުތައް ބަހައްޓާފައިވާތީއާއި، ޙަވާލާދެވުނު ބައްދަލުވުން ބޭއްވުނު ރޭގައި ހިނގާދިޔަ ހަމަނުޖެހުންތަކުގައި އިސް ރުޖޫޢަކުރުމަށް އަމުރުކުރުމަކީ ދެންތިބި މުވައްޒަފުންނަށްވެސް އެފަދަ ޢަމަލުތައް ކުރުމަށް ހިތްވަރު ލިބޭނެފަދަ ނިންމުމެއްކަމަށް ބުރަވެވޭ ސަބަބަށްޓަކައި އަޙްމަދު ޖައިލަމް ވަޒީފާއަށް ރުޖޫޢަކުރާނެ ފަދަ އަމުރެއް މި މައްސަލައިގައި ނެރެދިނުމަކީ ދެ ފަރާތުގެ މަޞްލަޙަތަށް ބަލާއިރު އެންމެ ޢަދުލުވެރި ގޮތްކަމަށް ނުފެންނާތީ، އޭނާއަށް އަލުން އަނބުރާ ވަޒީފާ ދޭން އަންގާނެ ޖާގައެއް ނެތްކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މުވައްޒަފު ވަޒީފާއަށް ރުޖޫޢަކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާއި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ޤާނޫނީ ހަމަތަކުގެ ދަށުންކަމަށެވެ.
14އަޙްމަދު ޖައިލަމް ވަޒީފާއަށް ރުޖޫޢަނުކުރުމަށް ހައިކޯޓުން ތާއީދުކޮށްފައިވާ ޓްރައިބިއުނަލްގެ ނިންމުން ބިނާވަނީ ފިއުލް ސަޕްލައިސް މޯލްޑިވްސް އާއި އޭނާއާ ދެމެދު އޮތް އިތުބާރު ގެއްލިފައިވާ ކަމުގެ މައްޗަށެވެ.
ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އޮންނަންޖެހޭ އިތުބާރު
15HN1އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބެލެވޭ ޙާލަތުގައި މުވައްޒަފު އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން މުވައްޒަފަށް ލިބިދޭ ޤާނޫނީ ޙައްލުތަކުގެ ތެރޭގައި ހިމެނޭ ޙައްލެކެވެ. ސުޕްރީމް ކޯޓުން ނިންމާފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ވަޒީފާ ދިނުމަށް ހުރަސް އެޅިދާނެ ނުވަތަ ޢަމަލީ ގޮތުން ކުރެވެން ނެތްކަމަށް ބެލެވިދާނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. އޭގެ ތެރޭގައި، އަނބުރާ އިއާދަ ނުކުރެވޭނޭ މިންވަރަށް ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން ހިމެނެއެވެ.
16HN2ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ މާނަކުރަންޖެހޭނީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބުނާ ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖުތަމަޢުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް ކަމާއި، އެގޮތުން މުވައްޒަފާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އޮންނަ އިތުބާރު ގެއްލިފައިވޭތޯ ބެލުމުގައި، ތިން ކަމެއް ހިމެނޭކަމުގައި ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި ބަޔާންވެފައިވެއެވެ. އޭގެ ތެރޭގައި ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމުގައި ބެލެވޭ ހެކި ވަޒީފާދޭ ފަރާތުން އިޖާބީ ގޮތެއްގައި ސާބިތު ކޮށްދޭންޖެހުން ހިމެނެއެވެ.
17HN3ވަޒީފާ އަނބުރާ ދިނުމަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަ އިތުބާރުގެ މައްޗަށް ބިނާވާ ކަމެއް ކަމުގައިވިޔަސް، ވަޒީފާއިން ވަކިކުރުމަށްފަހުގައި ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މެދުގައި ފުރިހަމަ އިތުބާރު އޮތުމަކީ ވަރަށް ނާދިރު ކަމެއްކަމަށް ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ ޤަޟިއްޔާގައި ބަޔާންވެފައިވެއެވެ. އަދި ވަޒީފާއިން ވަކިކުރުމަށް ފަހުގައި ވަޒީފާދޭ ފަރާތުން އެ އިތުބާރު އޮތް ކަމަށް ބުނާނީ މަދު ފަހަރެއްގައި ކަމަށާއި، އެހެންކަމުން ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ބުނާ ބުނުމުގެ ޙަޤީޤަތް ފަރުވާތެރިކަމާއެކު ބުއްދީގެ ހަމަތަކުގެ މަތިން ވަޒަންކޮށް، އެއީ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާކޮށްގެން ބުނާ ބުނުމެއްކަން ނުވަތަ ނޫންކަން މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޙާއްޞަ ޙާލަތްތަކުގެ އަލީގައި ޓްރައިބިއުނަލުން ނުވަތަ ކޯޓުން ބަލަންވާނެކަމަށް މުޙައްމަދު ޢަބްދުﷲ ޤަޟިއްޔާގައި އިތުރަށް ބަޔާންވެފައިވެއެވެ.
18މީގެ އިތުރުން، އާންމު ގޮތެއްގައި ވަޒީފާގެ ގުޅުމުގައި ދިމާވާ ޚިލާފުވުންތަކާއި ޝައްކުތަކާއެކުވެސް އެ ގުޅުން ދެމެހެއްޓުމުގެ ޤާބިލުކަން ދެ ފަރާތަށް ލިބިގެންވާ ކަމާއި، ވަރަށް މަދު ފަހަރަކު މެނުވީ ސަތޭކަ ޕަސެންޓު އިތުބާރަކީ އޮންނާނެ އެއްޗެއް ނޫންކަން ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ބަޔާންވެފައިވެއެވެ. އަދި ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައި ކޮންމެވެސް މިންވަރެއްގެ އިތުބާރެއް އޮވެގެން މެނުވީ ވަޒީފާގެ ގުޅުން ދެމެހެއްޓުމަކީ އެކަށީގެންވާ ކަމެއް ނޫންކަމާއި، ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޙާއްޞަ ޙާލަތްތައް ވަޒަންކޮށްގެން ކަމުގައި ޖާބިރު ޢަބްދުއްރަޙްމާން ޤަޟިއްޔާގައި ބަޔާންވެފައިވެއެވެ.
އުސޫލުތައް ތަޠުބީޤުކުރުން
19HN4ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު އޮތުމާއި ނެތުން ބިނާވަނީ މުވައްޒަފު ކޮށްފައިވާކަމަށް ތުހުމަތު ކުރެވުނު ޢަމަލުގެ މައްޗަށެވެ. އަދި އެ ޢަމަލާ ގުޅިގެން ވަޒީފާދޭ ފަރާތުން މުވައްޒަފާމެދު ޢަމަލުކުރި ގޮތުގެ މައްޗަށެވެ. ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ހިއުމަން ރިސޯސަސް ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސްގައި ޣައިރު ސުލޫކީ ޢަމަލުތައް ތިން ދަރަޖައަކަށް ބެހިގެން ވާއިރު، އަޙްމަދު ޖައިލަމް ކޮށްފައިވާކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ބަޔާންކުރާ ޢަމަލަކީ ދެވަނަ ދަރަޖައަށް ފެތޭ ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ތައުނުކޮށްފައި ނުވެއެވެ. އަދި މި ޢަމަލަކީ އަޙްމަދު ޖައިލަމް އެ ޢަމަލެއް ކުރި ފުރަތަމަ ފަހަރުކަމަށް ބުރަވެވޭތީ، މި ޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެފަދަ ޢަމަލެއް ނޫންކަމުގައި ޓްރައިބިއުނަލުން ނިންމާފައިވެއެވެ.
20އަޙްމަދު ޖައިލަމް ކޮށްފައިވާ ކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސްއިން ބަޔާންކުރާ "threatening, intimidating, interfering with any person on company premises at any time." ޕްރޮސީޖަރސްގައި ޣައިރު ސުލޫކީ ޢަމަލުތައް ބެހިގެންވާ ތިން ދަރަޖައިގެ ތެރެއިން ދެވަނަ ދަރަޖައިގައި ހިމެނޭ ޢަމަލެއް ކަމަށްވާއިރު، މި ދަރަޖައިގައި ހިމެނޭ ޢަމަލެއް ފުރަތަމަ ފަހަރު ކުރުމުން އަނގަބަހުން ނުވަތަ ލިޔުމުން އިންޒާރު ދެވޭއިރު، ދެވަނަ ފަހަރަށް މިފަދަ ކުށެއް ކުރާ ފަރާތަކަށް ފަހުގެ އިންޒާރު ދެވޭނެ ކަމާއި، އަދި ތަކުރާރުވެއްޖެނަމަ ރަސްމީ މަސައްކަތްކުރާ 1 ދުވަހާއި 5 ދުވަހާ ދެމެދު މުސާރަ ލިބޭގޮތަށް ނުވަތަ މުސާރަ ނުލިބޭ ގޮތަށް ސަސްޕެންޑް ކުރެވޭނެ ކަމާއި، ނުވަތަ އެތިކްސް އެންޑް ޑިސިޕްލިނަރީ ކޮމިޓީގެ ފަރާތުން އެފަރާތް ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައި ވެއެވެ. މިއީ ފާޠިމަތު މަލީޙާ ޖަމާލް ޤަޟިއްޔާގައި ބަޔާންވެފައިވާ ފަދައިން، އެންމެ އެކަށީގެންވާ ޙައްލަކީ އެ މުވައްޒަފަކަށް އިންޒާރު ދިނުންކަމަށް ބެލެވޭ ޙާލަތެއްކަން ފާހަގަވެއެވެ.
21އަޙްމަދު ޖައިލަމްއަކީ ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ޒިންމާދާރު ވަޒީފާއެއްގައި އެފަރާތުގެ މައްޗަށް އިތުބާރު ކުރެވެންޖެހޭފަދަ މުޅި ކުންފުނީގެ މައިގަނޑު މަސައްކަތް ކަމުގައިވާ ތެޔޮ ޑެލިވަރީ ކުރުމަށް ބޭނުންކުރާ ބާޖުގެ ކެޕްޓަނެއްގެ ވަޒީފާ އަދާކުރަމުންދިޔަ ފަރާތެއް ކަމަށްވެފައި، ކުންފުނީގެ މުޅި ވިޔަފާރި ދެމިއޮތުމާއި ނެތުން ބިނާވެގެންވަނީ އަޙްމަދު ޖައިލަމްގެ މައްޗަށް ކުރެވޭ އިތުބާރުގެ މައްޗަށް ކަމަށްވީ ނަމަވެސް އެ ފަރާތުގެ ޢަމަލުތައް ބަހައްޓާފައިވާ ގޮތުން އޭނާގެ މައްޗަށް ކުރެވުނު އިތުބާރު އެއްކޮށް ގެއްލިފައިވާކަމުގައި ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ބުނެއެވެ.
22އެހެން ނަމަވެސް، އަޙްމަދު ޖައިލަމް ކޮށްފައިވާކަމަށް ބަޔާންކުރާ ޢަމަލަކީ، ފިއުލް ސަޕްލައިސް މޯލްޑިވްސްއިން އަންދާޒާ ކޮށްފައިވާ، އަދި އެ ކުންފުނީގެ ހިއުމަން ރިސޯސަސް ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސްގައިވާ މިންގަނޑުން ފިޔަވަޅު އެޅެން އޮތް ޢަމަލެއްކަން އެނގެން އޮވެއެވެ. އަދި މި ޢަމަލަކީ، ކުންފުންޏާއި މުވައްޒަފާ ދެމެދު އިތުބާރު ގެއްލެން މެދުވެރިވެދާނެ ފަދަ ޢަމަލެއްކަމަށް އެ ކުންފުނިން ކުރިއާލާ އަންދާޒާ ކޮށްފައިވާނަމަ، ވަގުތުން ވަޒީފާއިން ވަކިކުރެވޭ ދަރަޖައިގެ ތެރޭގައި މި ޢަމަލު ހިމަނާފައިވާނެ ކަމަށް ބެލެވެއެވެ. މި މައްސަލައިގައި ހިމެނޭ ޙާދިސާ ހިނގާދިއުމުގެ ކުރިން އަޙްމަދު ޖައިލަމްގެ ފަރާތުން މިފަދަ ޢަމަލެއް ހިންގާފައިވާކަން ފިއުލް ސަޕްލައިސް މޯލްޑިވްސްއަށް ސާބިތުކޮށްދެވިފައި ނުވެއެވެ. އަދި މިފަދަ އެކަހެރި އެންމެ ހާދިސާއެއްގެ ސަބަބުން މުވައްޒަފާމެދު އޮންނަ އިތުބާރު ކޮންމެވެސް މިންވަރަށް ގެއްލިދާނެ ކަމުގައި ބުއްދީގެ ހަމަތަކުން ޤަބޫލުކުރެވުނު ނަމަވެސް، ދިގު މުއްދަތަކަށް ވަޒީފާގައި ދެމިހުރެފައިވާ މުވައްޒަފުގެ މައްޗަށް އޮތް އިތުބާރު މުޅިން ގެއްލުނީ ކިހިނެތްކަމެއް އިޖާބީ ގޮތެއްގައި ފިއުލް ސަޕްލައިސް މޯލްޑިވްސް އަށް ބުނެދެވިފައި ނުވެއެވެ.
232 އެޕްރީލު 2021 ގެ ބައްދަލުވުމުގައި ބައިވެރިވެފައިވަނީ ހަމައެކަނި ކުންފުނީގެ ބާޖުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާ ކަމާއި، މިއީ އަޙްމަދު ޖައިލަމްގެ ފަރާތުން މިފަދަ ޢަމަލެއް ފެނިގެން ދިޔަ ފުރަތަމަ ފަހަރު ކަމާއި، އަދި ކުންފުނީގެ އިސްވެރިންނާއެކު ބޭއަދަބީކޮށް މީގެ ކުރިން އަޙްމަދު ޖައިލަމް މުޢާމަލާތު ކޮށްފައި ނުވާކަން އެނގެއެވެ. އަދި އަޙްމަދު ޖައިލަމްގެ ޢަމަލާ ގުޅިގެން ކުންފުނީގެ ހިއުމަން ރިސޯސަސް ސްޓެންޑަރޑް އޮޕަރޭޓިންގ ޕްރޮސީޖަރސްގައިވާ މިންގަނޑުން އޭނާގެ މައްޗަށް ފިޔަވަޅު އެޅުނުނަމަ، އެއީ އޭގެ ސަބަބުން އެފަދަ ޢަމަލެއް ތަކުރާރުވުމަށާއި، އެހެނިހެން މުވައްޒަފުން އެފަދަ ޢަމަލެއް ހިންގުމަށް އެޅިގެންދާނެ ހުރަހެއްކަމުގައި ޤަބޫލުކުރެވެއެވެ.
24އެހެންކަމުން، އަޙްމަދު ޖައިލަމް ވަޒީފާއަށް އަނބުރާ ރުޖޫޢަ ނުކުރެވޭ މިންވަރަށް ދެ ފަރާތުގެ ދެމެދުގައިވާ އިތުބާރު ގެއްލިފައިވާކަމަށް ފިއުލް ސަޕްލައިސް މޯލްޑިވްސް އިން ބުނާ ބުނުން ބުއްދީގެ ހަމަތަކުން ވަޒަންކުރާއިރު، އަދި މައްސަލައިގެ ވަށައިގެންވާ ޙާއްޞަ ޙާލަތަށް ރިޢާޔަތްކުރާއިރު، އެ ކުންފުންޏަށް ސާބިތުކޮށްދެވިފައިވާ ކަމަށް އަހުރެންނަށް ބުރަނުވެވެއެވެ.
ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރޭތޯ ބެލުން
25ސުޕްރީމް ކޯޓަށް އަޙްމަދު ޖައިލަމް ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާގައި ފާހަގަކޮށްފައިވަނީ، ހައިކޯޓަށް އަޙްމަދު ޖައިލަމްގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ އިސްތިއުނާފީ އޮޅިގަނޑު ގިރާ ނުކުރާކަމަށް އެކޯޓުން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ އަޙްމަދު އިސްމާޢީލް ވ. ލަޠީފާ ޢަލީ ޙަސަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އާ ޚިލާފަށްކަމަށެވެ. އެގޮތުން އަޙްމަދު ޖައިލަމް ބުނެފައިވަނީ، އެ ނުކުތާގައި އަޙްމަދު ޖައިލަމްގެ ފަރާތުން ތިން ކަމެއް ބަޔާންކޮށްފައިވާކަން ހައިކޯޓުގެ ރިޕޯޓުގައިވެސް ފާހަގަކޮށްފައިވާ ކަމަށާއި، އެގޮތުން ފުރަތަމަ ކަމަކީ، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ ޙާލަތެއްގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ނުވަތަ ނުވޭތޯ ބަލަން ނުޖެހޭނެކަމަށް ބުނެ ފާހަގަކުރި ނުކުތާ ކަމަށާއި، ދެވަނަ ކަމަކީ، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާ ޙާލަތެއްގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބަޙުސްގެ ބޭނުމަށް ބެލިނަމަވެސް މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން އަޙްމަދު ޖައިލަމްއަށް ޤަބޫލު ނުކުރެވޭ ކަމަށް ފާހަގަކުރި ނުކުތާ ކަމަށާއި، ތިންވަނަ ނުކުތާއަކީ ބުނެވިދިޔަ ދެ ނުކުތާއާމެދު ޓްރައިބިއުނަލުން ނިންމި ނިންމުން ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފުވާކަމަށް ބުނެ ހުށަހެޅި ނުކުތާ ކަމަށާއި، އެހެން ނަމަވެސް މި ތިން ނުކުތާގެ ތެރެއިން ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވަނީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ގުޅިގެން ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް އެކަނިކަމަށެވެ.
26ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގައިވަނީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ފަނޑިޔާރުން ރިޢާޔަތްކުރަންޖެހޭ ކަންތައްތަކެވެ. އެގޮތުން ބަޔާންވެފައިވާ ކަންކަމަކީ، (1) މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ، (2) މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށްވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމް، (3) ވަކި ފަރާތަކަށް ނުޖެހުމާއި، ވަކި ފަރާތެއްގެ ނުފޫޒަށް ނުލެނބުމާއި، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވުމާއި ތަޢައްޞުބުން އެއްކިބާވުން، މިއެވެ.
27އަޙްމަދު ޖައިލަމްގެ އިސްތިއުނާފުގައި ބުނެފައިވަނީ، ހައިކޯޓަށް އޭނާ ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާގައި ބަޔާންވެފައިވާ ކަންކަމާމެދު ޓްރައިބިއުނަލުން ގޮތް ނިންމުމުގައި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގައިވާ ފަދައިން، މަތީ މަރުޙަލާގެ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތަކަށް ރިޢާޔަތްކޮށްފައި ނުވާކަމަށެވެ. އެހެން ނަމަވެސް ހައިކޯޓުން ނިންމާފައިވަނީ، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (2) ވަނަ ނަންބަރާ ޚިލާފަށް ޓްރައިބިއުނަލްގެ މެންބަރުން ޢަމަލުކޮށްފައި އޮތްކަމަށް ބުނެ ހުށަހަޅާ ބަހުސެއް އެގޮތުގައި ކުރިއަށް ގެންގޮސް އެ ބުނުމަށް ތާއީދުކުރުމަކީ ޤާނޫނީ ހަމައިން ކުރެވިދާނެ ކަމެއްކަމަށް ދޭހަކޮށްދޭ އެއްވެސް ޤާނޫނީ އަސާސެއް އަޙްމަދު ޖައިލަމް ހުށަހަޅާފައި ނުވާތީ، މިނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަމަށެވެ.
28HN5މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެ ކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވެއެވެ. ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ކޯޓު" މާނަކޮށްފައިވަނީ، ފަނޑިޔާރަކު އިނދެގެން ނުވަތަ ފަނޑިޔާރުންތަކެއް ތިބެގެން ޝަރީޢަތްކުރުމަށް ޤާނޫނުއަސާސީން، ނުވަތަ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން، ޤާއިމްކޮށްފައިވާ ކޮންމެ ތަނަކަށެވެ. އަދި ހަމަ އެ މާއްދާގައި "ޓްރައިބިއުނަލް" މާނަކޮށްފައިވަނީ، ދެފަރާތެއްގެ ދެމެދުގައި ނުވަތަ ގިނަ ފަރާތްތަކެއްގެ މެދުގައި ވަކިކަމަކާ ބެހޭގޮތުން ޚިލާފު އުފެދިފައިވާ ޙާލަތުގައި، އެކަމަކާމެދު ވަކިގޮތެއް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅުމުން، އެކަމަކާމެދު ވަކިގޮތެއް ކަނޑައެޅުމުގެ ބާރު ޤާނޫނުން ލިބިފައިވާ، އަދި ކޯޓެއްކަމުގައި ނުހިމެނޭ ކޮންމެ މުއައްސަސާއަކަށެވެ. ކޯޓުތަކާއި ޓްރައިބިއުނަލްގެ މާނައިގައިވާ މި ފަރަގަށް ބަލާއިރު، ކޯޓުތަކާ ޚިލާފަށް ޓްރައިބިއުނަލަކީ ފަނޑިޔާރު ގެއެއް ނޫންކަން އެނގެއެވެ.
29އެކި ޤައުމުތަކުގެ ކޯޓުތަކާއި، ބައިނަލްއަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާޢުތްތަކުން މައްސަލަ ބެލުމުގައި ގެންގުޅޭ އެންމެ އަސާސީ އުޞޫލުތަކުގައި، ވަކި ފަރާތަކަށް ނުޖެހި މައްސަލަ ބެލުމާއި، ދެ ފަރާތުން ދައްކާ ވާހަކަތައް އަޑުއެހުމާއި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަތައް ނިންމުންފަދަ ކަންކަން ހިމެނިފައިވާ ކަމާއި، މިއީ ޠަބީޢީ އިންސާފުގެ އުސޫލު (principles of natural justice) ގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށް، ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންވެފައިވެއެވެ.
30ވަޒީފާއާބެހޭ ޤާނޫނުގެ 90 ވަނަ މާއްދާއިން ބާރުލިބިގެން ހަދާފައިވާ ވަޒީފާއާބެހޭ ޓްރައިބިއުނަލް ގަވާއިދު ގެ 68 ވަނަ މާއްދާގައި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ނިންމުމުގައި އިންސާފުވެރިކަމާއެކު، ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މަޞްލަޙަތާއި، ދެ ފަރާތުގެ ޙައްޤުތައް ރައްކާތެރިކޮށްދެވޭނެ ގޮތްތަކަށް ރިޢާޔަތްކުރަންވާނެކަން ބަޔާންކޮށްފައިވެއެވެ. އަދި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ ކޮންމެ މައްސަލައެއް ބަލައި ނިންމުމުގައި، މައްސަލަ ބަލާ މަޖިލީހުގެ ކޮންމެ މެންބަރަކަށް ފެނުނު ގޮތް ބަޔާންކޮށްފައި އޮންނަންވާނެ ކަމާއި، މިގޮތުން މައްސަލައާ ގުޅޭގޮތުން ފާހަގަކުރެވުނު ނުކުތާތަކާއި، ޤާނޫނާއި ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ އަލީގައި މައްސަލައިގައި ހުށަހެޅިފައިވާ ލިޔުންތަކާއި، މައްސަލަ ބަލާ މަޖިލީހުގައި ދެ ފަރާތުން ދެއްކި ވާހަކަތަކާއި، ހެކިން ދައްކާފައިވާ ވާހަކަތަކާމެދު ދެކޭ ގޮތާއި، މައްސަލަ ނިންމި ގޮތަށް ވާސިލުވުމުގައި ވިސްނާފައިވާ ކަންތައްތަކާއި، ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނަގައިދިނުމަށް އަމުރެއް ކުރާނަމަ، ބަދަލުގެ ގޮތުގައި ދައްކަންޖެހޭ އަދަދު ކަނޑައެޅުމުގައި ބަލާފައިވާ ކަންތައްތަކާއި، އެ މެންބަރަކަށް ފެންނަ މުހިންމު އެ ނޫން ނުކުތާތައްވެސް ބަޔާންކުރަންވާނެކަން، އެ ގަވާއިދުގެ 106 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. މީގެ އިތުރުން ޓްރައިބިއުނަލްގެ މެންބަރުން މައްސަލަ ނިންމުމުގައި ތިބެންޖެހެނީ ނުފޫޒުން އެއްކިބާވެގެންކަން އެ ގަވާއިދަށް ބެލުމުން އެނގެއެވެ. ޓްރައިބިއުނަލަކީ ފަނޑިޔާރު ގެއެއް ކަމުގައި ނުވި ނަމަވެސް ބަޔާންވެދިޔަ މިކަންކަމަކީ ޠަބީޢީ އިންސާފުގެ އުސޫލުތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. ޓްރައިބިއުނަލަކީ ކޯޓެއް ކަމުގައި ނުވި ނަމަވެސް ޓްރައިބިއުނަލުން އަދާކުރަނީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ދައުރުކަން މިކަންކަމުން އެނގެއެވެ.
31ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ބެލުމުން، ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭކަން އެނގެއެވެ. ޓްރައިބިއުނަލްގެ ނިންމުންތަކަކީ ދަށު މަރުޙަލާގެ އިތުރު ކޯޓަކަށް ހުށަހެޅުމަކާ ނުލައި އިސްތިއުނާފަށް ހުށަހެޅޭ މައްސަލަތަކެކެވެ. އެގޮތުން ޓްރެބިއުނަލުން އެ އަދާކުރަނީ ކޯޓެއްގެ ދައުރުކަން ވަރަށް ސާފުކޮށް އެނގެއެވެ.
32HN6ވަކި ޤާނޫނެއްގެ ވަކި މާއްދާއެއް ތަޠުބީޤުކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަން މަތީ މަރުޙަލާ ކޯޓަކުން ކަނޑައަޅާފައިވާނަމަ، މާނަކުރެވުނު މާއްދާ ތަޠުބީޤުކުރަންޖެހޭ ކޮންމެ ބާވަތެއްގެ މައްސަލައަކަށްވެސް އެ އުސޫލު ހިނގާނެކަމަށް ސުޕްރީމް ކޯޓުގެ އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންވެފައިވެއެވެ. އަދި ސާފުކޮށް ވަކި އުސޫލެއް މައްސަލައެއްގައި ކަނޑައަޅާފައި ނުވިނަމަވެސް، އެއްކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމްގެ ދަށުން، މަތީ މަރުޙަލާ ކޯޓަކުން ނިންމާ ނިންމުންތަކާއި، ފަހުން ދަށު ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ އެންމެ މުހިންމު ވާގިއާތައް (material facts) އެއްގޮތްނަމަ، ކުރިން ނިންމި މައްސަލައާ އެއްގޮތަށް ފަހުން ހުށަހެޅޭ މައްސަލަ ނިންމަންވާނެ ކަމަށް އޯނަސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އިތުރަށް ބަޔާންވެފައިވެއެވެ.
33ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި މަތީ މަރުޙަލާގެ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށް ބަޔާންކުރާ ޤާނޫނީ އެއްވެސް ނައްސެއް ނެތެވެ. އެހެން ނަމަވެސް މައްސަލަ ނިންމުމުގައި ޤާނޫނުތަކާއި ގަވާއިދުތަކަށް އެ ޓްރައިބިއުނަލުން ރިޢާޔަތްކުރަންޖެހޭއިރު، ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ރޭވިފައިވާ ގޮތުން، އެ ޤާނޫނުތަކާއި ގަވާއިދުތައް މާނަކޮށް މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް ޓްރައިބިއުނަލުން ރިޢާޔަތްކުރަން ނުޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ޢަމަލުކުރަމުންދާ އުސޫލަކީވެސް އެއީއެވެ. އެ މާއްދާގައި ޓްރައިބިއުނަލްގެ މެންބަރުންގެ ވާހަކަ ބަޔާންވެފައި ނުވިނަމަވެސް އެ އުސޫލު ބަޔާންކުރާ ޤާނޫނީ ނައްސަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރެވެ.
34އަޙްމަދު ޖައިލަމް ހައިކޯޓަށް ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރުގެ ވާހަކަ ބަޔާންކޮށްފައި އޮތްއޮތުމާ ގުޅިގެން ސުވާލުކުރުމުން، އެ ނުކުތާގައި ބަޔާންކޮށްފައިވަނީ އެ މާއްދާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ޓްރައިބިއުނަލުން ޢަމަލުކޮށްފައިވާތީ އެ ނުކުތާކަމުގައި އަޙްމަދު ޖައިލަމް ބުނެފައިވާކަމަށް ހައިކޯޓުގެ ޙުކުމުގައިވެއެވެ. އެހެން ނަމަވެސް މިއީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅަމުން އެ ކޯޓުގެ މަޖިލީހުގައި ދެކެވުނު ވާހަކައެއް ނޫންކަމަށާއި، އުސޫލުގެ ވާހަކަ އެ ކޯޓުގައި ދެކެވުނުއިރު، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ ފަރާތުން ލިޔުމުންނާއި އަނގަބަހުން ޖަވާބު ހުށަހަޅާފައިވާތީ، އަޙްމަދު ޖައިލަމްގެ އެ ހުށަހެޅުން ހައިކޯޓުން ބަލައިގެންފައި ނުވެއެވެ. ހައިކޯޓުގެ ޙުކުމުގައި އިތުރަށް ބަޔާންކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ހެއްކާއި ޤަރީނާ ނުބަލާ އޮތްކަމަށް ޤަބޫލުކުރެވޭނަމަ، އެކަން އެހެން ބަޔާންކުރެވިދާނެ ކަމާއި، އެފަދަ ނުކުތާއެއް ހުށަހެޅުމުގައި ހަމަކޮންމެހެން ޤާނޫނަކަށް ޙަވާލާދޭން އެދޭނަމަވެސް، ކަމާގުޅުންނެތް ބައެއްގެ ވާހަކަ ބަޔާންކުރާ ޤާނޫނީ ނައްޞަކަށް ޙަވާލާދިނުމަކީ ކުރެވޭނެ ކަމެއް ނޫންކަމަށެވެ.
35HN7ވަޒީފާއާބެހޭ ޓްރައިބިއުނަލުން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގައި އަދާކުރާ ދައުރަށާއި، ޓްރައިބިއުނަލްގެ ނިންމުން އިތުރު މަރުޙަލާއަކަށް ދިއުމަކާ ނުލައި ހައިކޯޓުގައި އިސްތިއުނާފު ކުރެވެން އޮންނަ އޮތުމަށާއި، ހައިކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކުރާއިރު، ޓްރައިބިއުނަލްގެ ނިންމުން ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފުކަމަށް ބުނާ ބުނުމާމެދު ގޮތެއް ނިންމޭނީ، އެ މާއްދާގައިވާ އުސޫލާ ޓްރައިބިއުނަލުން ޚިލާފުވެފައިވާކަމަށް ބުނެ އެ ހުށަހެޅުން އިތުރަށް ޝަރަޙަކޮށްދީގެން ކަމުގައި އަހުރެންނަށް ބުރަ ނުވެވެއެވެ. ސަބަބަކީ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރާ ޚިލާފުވާކަމަށް ބުނާ ހިސާބުން ޓްރައިބިއުނަލުން ތަޠުބީޤުކޮށްފައި ނުވާކަމަށް އެ ބަޔާންކުރަނީ އެ އަކުރުގައި އޮންނަ އުސޫލުކަން އިތުރު ތަފްޞީލަކާ ނުލައި ސާފުވާތީއެވެ.
36އެހެންކަމުން ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް، އަޙްމަދު ޖައިލަމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ނުކުތާއެއް ނޫންކަމަށް ހައިކޯޓުން ބުނެފައިވާ ބުނުން ރަނގަޅު ނޫންކަމަށް އަހުރެންނަށް ބުރަވެވެއެވެ.
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާއިރު އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުން ލާޒިމުތޯ؟
37އަޙްމަދު ޖައިލަމްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ފުރަތަމަ ނުކުތާ ބިނާކޮށްފައިވަނީ، ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމުގައި ނިންމުމާއެކުވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ބަލައި، މި މައްސަލައިގައި އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމާ ގުޅިގެންނެވެ.
38އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމުގައި ޤާއިމުވެފައިވޭތޯ ޚުލާސާކޮށް ނަމަވެސް ނަޒަރުކުރަންޖެހޭ ކަމުގައި ޓްރައިބިއުނަލްގެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. އަދި ފިއުލް ސަޕްލައިސް މޯލްޑިވްސްއިން އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކުރުމުގައި އަޅާފައިވާ ފިޔަވަޅުތައް މިނެކިރައި، އިޖުރާއީ ޢަދުލުވެރިކަން މި މައްސަލައިގައި ޤާއިމުވެފައިވާކަމަށް ކަނޑައަޅާފައިވެއެވެ.
39HN8މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާ ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބެލުމަކީ ކޮންމެހެން ބޭނުން ކަމެއް ނޫންކަމުގައި ސުޕްރީމް ކޯޓުގެ އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމެޕްނީ ލިމިޓެޑް ޤަޟިއްޔާގައި ބަޔާންވެފައިވެއެވެ. އޭގެ ސަބަބެއް ކަމުގައި އެ ޤަޟިއްޔާގައި ބަޔާންވެފައިވަނީ، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވުމުގެ މާނައަކީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައިވުން ކަމާއި، އެކަށީގެންވާ ސަބަބެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ޙާލަތުގައި ވަޒީފާދޭ ފަރާތުން އިޖުރާއީ ގޮތުން ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަކުން މައްސަލައިގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެތީއެވެ.
40އެހެންކަމުން މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާ ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަމާމެދު ވަޒީފާއާބެހޭ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
41އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަކާ ނުލައި ކަމުގައި ވިޔަސް އޭނާއާއި ފިއުލް ސަޕްލައިސް މޯލްޑިވްސްއާ ދެމެދު އޮތް އިތުބާރު ގެއްލިފައިވާކަމަށް ކަނޑައަޅައި، އަޙްމަދު ޖައިލަމް ވަޒީފާއަށް އަނބުރާ ރުޖޫޢަ ނުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ ނިންމުން ބާޠިލުކުރަން ފެނެއެވެ.
42އަޙްމަދު ޖައިލަމް ފިއުލް ސަޕްލައިސް މޯލްޑިވްސްގައި އަދާކުރަމުން ދިޔަ ވަޒީފާ ނުވަތަ އެއާ އެއް ފެންވަރެއްގެ ވަޒީފާއެއް އަޙްމަދު ޖައިލަމްއަށް ހަމަޖެއްސުމަށާއި، އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ އަސާސީ މުސާރައިގެ 6 މަސް ދުވަހަށްވާ ފައިސާ އަޙްމަދު ޖައިލަމްއަށް ދިނުމަށް، ފިއުލް ސަޕްލައިސް މޯލްޑިވްސްގެ މައްޗަށް އަމުރުކުރުމަށް ފެނެއެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
43މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
44މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނަންބަރު 129/VTR/2021 މައްސަލައިގެ ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން ނިންމާފައިވާ އެ ކޯޓުގެ ނަންބަރު 2022/HC-A/219 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގައި އަޙްމަދު ޖައިލަމް އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމުގައި ކަނޑައަޅައި، މިއަދު (11 އޮކްޓޯބަރ 2026) އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އަޙްމަދު ޖައިލަމް އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާއެއް ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އިން އަޙްމަދު ޖައިލަމްއަށް ހަމަޖެއްސުމަށާއި، އަޙްމަދު ޖައިލަމް ވަޒީފާއިން ވަކިކުރިއިރު، ލިބެމުންދިޔަ އަސާސީ މުސާރައިގެ 06 (ހައެއް) މަސްދުވަހަށްވާ ފައިސާ އަޙްމަދު ޖައިލަމް ދިނުމަށް، ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްޗަށް އަމުރުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މުޙައްމަދު އިބްރާހީމް
ޢަލީ ރަޝީދު ޙުސައިން
(ރިޔާސަތު)
މުޙައްމަދު ސަލީމް
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.