ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 18 · 2019/SC-A/15ސުޕްރީމް ކޯޓު · 15 ފެބުރުއަރީ 2021

އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
45 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 15 ފެބުރުއަރީ 2021ބާވަތް: ބެލެނިވެރިކަމުގެ އިހްތިޞާޞް

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

މީހެއްގެ މައްޗަށް ނުކުރާ ދަޢުވާއަކަށް ޙުކުމްކުރުންދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ)ޢަދުލުވެރިކަމާއެކު އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤުދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާޤާނޫނާ އެއްގޮތަށް ކަންކުރުންދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ)މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުންދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ)ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުންޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2)މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ނުވަތަ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރުން"ޕަރ އިންކިއުރިއަމް" per incuriamރޭޝިއޯ ޑެސިޑެންޑީ ratio decidendiއޮބިޓަރ ޑިކްޓަމް obiter dictumރެސް ޖުޑިކާޓާ res judicataއިސްލާމްދީނާއި ޢަދުލުވެރިވުންޕްރިންސިޕަލްސް އޮފް ނެޗުރަލް ޖަސްޓިސްޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުންޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ- ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫއީގޮތުން ބެލުމުގައި ޢަމަލުކުރާނެ އުޞޫލު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/15

ޝަރީޢަތް ނިމުނުގޮތް

އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު ޙުސްނުއް ސުޢޫދުނިމުނު ތާރީޚު

15 ފެބްރުއަރީ 2021ޝަކުވާ

553/Cv-C/2015

910/Cv-C/2015

މައްސަލަ ރައްދުވާ ފަރާތް

މައްސަލަ ހުށަހެޅި ފަރާތް

އޯނަސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު: C-185/2000)

އިބްރާހީމް ޢަބްދުއްލަޠީފް،

ޤާނޫނީ ވަކީލު: އޛ. އިބްރާހީމް ނާޞިރު މުޙައްމަދު ހ. ފަރިވިނަ / މާލެބަދަލުގައި: އޛ މުޙައްމަދު ސަލީމް،

މީހެއްގެ މައްޗަށް ނުކުރާ ދަޢުވާއަކަށް ޙުކުމްކުރުން - ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަދި (ށ) - ޢަދުލުވެރިކަމާއެކު އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު - ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ - ޤާނޫނާ އެއްގޮތަށް ކަންކުރުން - ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) - މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުން - ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) - ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހުގެ ނިންމުން - ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާގެ (ށ) ގެ (2) - މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި ކޯޓުން ކުރިން ކޮށްފައިވާ ޙުކުމަށް ނުވަތަ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރުން - judicial precedent، "ޕަރ އިންކިއުރިއަމް" per incuriam - ރޭޝިއޯ ޑެސިޑެންޑީ ratio decidendi - އޮބިޓަރ ޑިކްޓަމް obiter dictum - ރެސް ޖުޑިކާޓާ res judicata - އިސްލާމްދީނާއި ޢަދުލުވެރިވުން - ޕްރިންސިޕަލްސް އޮފް ނެޗުރަލް ޖަސްޓިސް - ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) ގެ 16 ވަނަ މާއްދާ - ހައިކޯޓުގެ ޙުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން - ޤާނޫނު ނަންބަރު 22/2010 (ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާ- ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫއީގޮތުން ބެލުމުގައި ޢަމަލުކުރާނެ އުޞޫލު

އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން 2013 ވަނަ އަހަރު ނިންމާފައިވާ ގަޒިއްޔާއެއް ކަމަށްވާ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ނަންބަރު 2012/SC-A/22) ގަޒިއްޔާއިން މއ. އަތަމާގެ އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ދަރަންޏެއް ސާބިތުވާކަމަށް ބަލައި، ސުޕްރީމް ކޯޓުގެ އެ ޙުކުމް ތަންފީޒުކުރުމުގެ ނަމުގައި، ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާއިން މި ދެ މައްސަލަ ހިންގާފައިވާތީ، އެ މައްސަލަތައް ބަލައިދިނުމަށް އެދި، އެކަމާ ގުޅޭ ޝަކުވާއެއް 10 ޖަނަވަރީ 2019 ގައި ސުޕްރީމް ކޯޓަށް ހުށަހެޅުމުން، އެ ޝަކުވާ ގަޒިއްޔާއެއްގެ ގޮތުގައި ބަލައި ހިންގުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުން 5 މާރޗް 2019 ގައި ނިންމައި، އެކަމުގެ ހުއްދަ 7 މާރޗް 2019 ގައި ދިނުމުން، އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައެކެވެ. މި މައްސަލަ އެންމެ ފުރަތަމަ ރަޖިސްޓްރީ ކުރެވުނީ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ހުށަހެޅި ޝަކުވާއެއް ގޮތަށް ނަމަވެސް، މި މައްސަލައިގެ ފުރަތަމަ އަޑުއެހުމަށްފަހު، ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިސްނެގުމަކަށް މި މައްސަލަ އިސްތިއުނާފީ މައްސަލައަކަށް ބަދަލުކޮށްފައިވެއެވެ. ސުޕްރީމް ކޯޓުގެ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ އާއި އަދި މިހާރު ބަލަމުން މިދާ 2019/SC-A/15 ގަޒިއްޔާއާ ދެ މައްސަލައަކީވެސް ދިވެހިރާއްޖޭގެ ޤާނޫނުތަކުގެ ދަށުން ކޯޓުތަކުން ޢާންމުކޮށް ޢަމަލުކުރާ އިޖުރާއަތުތަކާ ޚިލާފަށް، ޤާނޫނީ ބޮޑު އޮޅުންގަނޑެއްގެ ތެރެއިން ހުށަހެޅި، ހިނގަމުން އައިސްފައިވާ ދެ މައްސަލައެވެ.

މިހާރު ބަލަމުންމިދާ 2019/SC-A/15 ގަޒިއްޔާގައި ގޮތް ކަނޑައަޅަންޖެހޭ މައިގަނޑު ކަންކަމަކީ؛

(1)ދެފަރާތެއްގެ ދެމެދުގައި ހިނގާފައިވާ މުޢާމަލާތެއްގައި، މީހެއްގެ މައްޗަށް ދަޢުވާއެއް ނުކޮށް، ސުޕްރީމް ކޯޓުގެ އިސްނެގުމަކަށް ބެލެވޭ މައްސަލައެއްގައި ކޮށްފައިވާ ޙުކުމަކީ، މީހެއްގެ މައްޗަށް ދަރަންޏެއް ސާބިތުވާ ޙުކުމެއް ކަމަށް ބެލެވިދާނެތޯ، އަދި ސުޕްރީމް ކޯޓުގެ އެފަދަ ޙުކުމަކާ ޙަވާލާދީ ޙުކުމް ތަންފީޒު ކުރުމުގެ ގަޒިއްޔާއެއް ސިވިލް ކޯޓަށް ހިންގިދާނެތޯ.

(2)ސުޕްރީމް ކޯޓުގައި އޮޅިފައިވާ އިޖުރާއަތުތަކެއްގެ ތެރެއިން ހިނގާފައިވާ މި މައްސަލައަށް ދެން ޙައްލެއް ހޯދޭނެ ގޮތަކީ ކޮބައިތޯ.

މި މައްސަލައަކީ އާދަޔާ ޚިލާފު އިޖުރާއަތުތަކެއްގެ ތެރެއިން ހިނގާފައިވާ މައްސަލައެއްކަމުން، އެންމެ ފުރަތަމަ މި މައްސަލައިގެ ފަސްފަހަތް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.

މައްސަލައިގެ ފެށުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ލިޔެކިއުންތަކަށް ބަލާއިރު، ގ. ޗާންދަނީމާގެ އިސްމާޢީލް ޝުޖާޢު އަތުން އަނބުރާ ދައްކާގޮތަށް ހ. މިރިހި ޙުސެއިން ޝަރީފު ފައިސާ ނެގިއެވެ. އަދި ޙުސެއިން ޝަރީފުގެ ފަރާތުން އިސްމާޢީލް ޝުޖާޢުއަށް އެ ފައިސާ ދެއްކުމަށް މއ. އަތަމާގެ އިބްރާޙީމް ޢަބްދުއްލަޠީފް ޖާމިނުވެފައިވާކަމަށްވެއެވެ. މި ބުނެވުނު މުޢާމަލާތާބެހޭ އެއްވެސް ކަމެއް މިހާރު ބަލަމުން މިދާ މައްސަލައިގައި ސުޕްރީމް ކޯޓުން ކަށަވަރުކޮށްފައިނުވާނެއެވެ. ސަބަބަކީ މިކަންކަމަކީ މިވަގުތު ބަލަމުންދާ މައްސަލައިގެ މައުޟޫޢުގެ ތެރޭގައި ހިމެނޭ ކަންކަމަށް ނުވެފައި، މި މުޢާމަލާތާބެހޭ ކަންކަން ދަށު ކޯޓުން ކަށަވަރުކޮށްފައިނުވާތީއެވެ. އެގޮތުން، އޯނަސް ޕްރައިވެޓް ލިމިޓެޑް މި މުޢާމަލާތުގެ ތެރެއަށް ވަންނަ ގޮތްވެސް ސާފެއްނޫނެވެ.

30 ޖުލައި 2012 ގައި އިސްމާޢީލް ޝުޖާޢުގެ ފަރާތުން ސުޕްރީމް ކޯޓަށް ފޮނުވާފައި އޮންނަ ސިޓީއެއްގައި، އިސްމާޢީލް ޝުޖާޢު އާއި ޙުސެއިން ޝަރީފުއާއި އަދި އިބްރާހީމް ޢަބްދުއްލަޠީފް އާ ދެމެދު ކުރެވުނު މުޢާމަލާތާ ޙަވާލާދީ؛

"...މި ފައިސާ ހޯދުމަށް ދަޢުވާ ކޮށްދެއްވުމަށާއި، އަދި އަތަމާ އިބްރާހީމް ދީދީ ސޮއިކޮށްދީ ބައުންސްވެފައިވާ މި 6 ޗެކުގެ މައްސަލައިގައި ދަޢުވާ ނުކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލް ކަނޑައެޅުއްވި ކަނޑައެޅުއްވުން ރިވިއު ކުރައްވައި، ބައުންސް ވެފައިވާ މި 6 ޗެކުގެ މައްސަލައިގައި ދަޢުވާ ކުރެއްވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމްވާކަމަށް ކަނޑައަޅައި ނިންމަވައިދެއްވުން."

އެދިފައިވާކަން އެނގެއެވެ.

އޭގެ އެއް ދުވަސްފަހުން، 01 އޯގަސްޓް 2012 ގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސުޕްރީމް ކޯޓަށް ފޯމެއް ހުށަހަޅާފައިވެއެވެ. މި ފޯމުން އިސްތިއުނާފު ކުރަން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2012/06(NR) ނިންމުމެވެ. މި ނިންމުމަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ރައްދުވާގޮތަށް އޯނަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މައްސަލައެކެވެ.

ހައިކޯޓުގެ ނިންމުމުގައި ބަޔާންވެފައިވަނީ އަންނަނިވި ފަދައިންނެވެ.

"ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ދަޢުވާ ރައްދުވާ ގޮތަށް، 01 ޖުލައި 2012 ވަނަ ދުވަހު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/250 ދުސްތޫރީ މައްސަލަ ހުށަހަޅާ ފޯމުން އޯނަސް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ މައްސަލައަކީ ދައުލަތުގެ އިދާރާއަކުން ނިންމި ނިންމުމެއް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ޚިލާފުވިކަމަށް ބަޔާންކޮށް ހުށަހަޅާފައިވާ މައްސަލައަކަށްވެފައި، ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގައިވާ ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ، އެޚިލާފުވާ މިންވަރު އެއީ ބާޠިލު އެއްޗެއް ނުވަތަ ބާޠިލު ކަމެއް ކަމުގައި ކަނޑައެޅުން ފިޔަވައި އެ މާއްދާގައި ބުނެފައިވާ ދެންހުރި ކަންތައްތައް ތަޠްބީޤް ކުރުމުގައި އުޞޫލެއް ކަނޑައަޅުއްވައި ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާ ކަމެއް ނުވަތަ ނިންމާ ނިންމުމެއް ނުވަތަ ޤާނޫނުއަސާސީއާ ޚިލާފުވާނަމަ އެ ޚިލާފުވާ މިންވަރު އެއީ ބާޠިލު އެއްޗެއް ނުވަތަ ބާޠިލު ކަމެއް ކަމުގައި ކަނޑައެޅުމުގެ މައްސަލަތަކުގެ ފުރަތަމަ ޖޫރިސްޑިކްޝަން ލިބިގެންވަނީ ކަމާބެހޭ ދަށުކޯޓަކަށްކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2008/SC-J/03 އިޖުރާއީ ގޮތުން ނިންމި ނިންމުމުގައި ކަނޑައަޅާފައިވާ ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެ ނިންމުމަށް ތަބަޢަވެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2008/HC-A/01 ގަޒިއްޔާއިން ހުށަހަޅާފައިވާ މައްސަލަ ކަމާބެހޭ ދަށު ކޯޓުން ބެލިގެން ނޫނީ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލައިދެވެން ނެތްކަމަށް ކަނޑައަޅާފައިވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (MISL) 95-CR/PRIV/2012/42 ދަޢުވާ ފޯމު ބާޠިލުކުރިކަން އަންގާ އެންގުމުގައި 08 ޖުލައި 2012 ގައި ހައިކޯޓުގެ ރަޖިސްޓްރާރ ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި ނިންމީއެވެ."

އެހެންކަމުން، އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި އޮތް މައްސަލައަކީ، އިބްރާހީމް ޢަބްދުއްލަޠީފް އިސްމާއީލް ޝުޖާއުއަށް ދޫކޮށްފައިވާ ޗެކުތަކެއް ބައުންސްވެގެން އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ ނުކުރުމަށް ނިންމި ނިންމުން ރިވިއުކޮށްދިނުމަށް އެދި ދުސްތޫރީ މައްސަލައެއްގެ ގޮތުގައި ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތުމުން، ހައިކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރި މައްސަލައެކެވެ. ސުޕްރީމް ކޯޓަށް ހައިކޯޓުން ނިންމި ނިންމުމުގެ އިސްތިއުނާފު ބަލައިގަނެ، ސުޕްރީމް ކޯޓުން އެ މައްސަލަ ބަލާފައިވަނީ މި ކޯޓުގެ ނަންބަރު 2012/SC-A/22 (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2013) ގަޒިއްޔާއިންނެވެ.

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013)

ސުޕްރީމް ކޯޓަށް އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅި މި މައްސަލައަކީ ހައިކޯޓުން ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން އިސްތިއުނާފުކުރުމަށް އެދި ހުށަހެޅި މައްސަލައެކެވެ. ނަމަވެސް ހައިކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުމަކީ ޤާނޫނާ އެއްގޮތަށް އެ ކޯޓުން ނިންމާފައިވާ ނިންމުމެއްތޯ ކަނޑައެޅުމުގެ ބަދަލުގައި، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 ގަޒިއްޔާގައި މައްސަލައިގެ މުޅި މައުޟޫޢުއަށް ގޮސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ހާޒިރުކޮށް، ޝަރީޢަތްކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހެޅުނު މުޅި އިސްތިއުނާފީ ދަޢުވާގެ ބޭރުން، ޗެކު ބައުންސްވުމުގެ މައުޟޫޢުއަށް ޒިޔާރަތްކޮށް، މައްސަލައިގެ ޚަޞްމެއްގެ ގޮތުގައި ނުހިމެނޭ އިބްރާހީމް ޢަބްދުއްލަޠީފް ދޫކުރިކަމަށް ބުނާ ޗެކުތަކާބެހޭ ގޮތުން މައްސަލަ ބެލި ފަނޑިޔާރުންގެ ރައުޔު ހާމަކޮށްފައިވެއެވެ.

އެގޮތުން، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގެ ޙުކުމުގައި؛

"...އަތަމާ މެރިން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އިބްރާހީމް ޢަބްދުއްލަޠީފް އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޗެކުތައް ބައުންސްވުމުގެ ކުށުގެ ޒިންމާއާއި ދަރަނީގެ ޒިންމާއިން އެ ޗެކުތައް ދޫކުރި ފަރާތް ޤާނޫނީ ހަމަތަކުގެ މަތިން ބަރީއަވެފައިވާކަމަށް ބެލެވޭނެ ސަބަބެއް ނެތްކަމަށާއި ޗެކުތައް ބައުންސްވުމުގެ ކުށުގެ ދަޢުވާ ނުއުފުލުމަށް ނިންމާފައިވާ ނިންމުން މުރާޖަޢާކުރަން އެދި ޕްރޮސިކިއުޓަރ ޖެނެރަލްއަށް ހުށަހެޅުމަކީ މި މައްސަލާގައި އޯނަސް ޕްރައިވެޓް ލިމިޓެޑަށް ކުރެވިދާނެ ކަމެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި މައްސަލަ ނިންމީއެވެ."

އިސްވެ ބުނެވުނު ގަޒިއްޔާގެ ޝަރީޢަތްތައް ސުޕްރީމް ކޯޓުން ހިންގާފައިވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑަކީ ދަޢުވާކުރި ފަރާތްކަމަށް ބަލައި، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަކީ ދަޢުވާ ރައްދުވާ ފަރާތްކަމަށް ބަލައިގެންނެވެ. މި ގަޒިއްޔާގައި 4 އަޑުއެހުން ބޭއްވުނުކަމަށް ސުޕްރީމް ކޯޓުގެ ރިކޯޑުތަކުން ދައްކައެވެ. ސުޕްރީމް ކޯޓުގެ އެންގުމަކަށް، އެތަނުން 2 އަޑުއެހުމަކަށް އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ހާޒިރުވެފައިވެއެވެ. 25 ފެބްރުއަރީ 2013 ގައި އިބްރާހީމް ޢަބްދުއްލަޠީފްގެ ބަދަލުގައި އެ ކޯޓަށް ހާޒިރުވި އަޙްމަދު ސިނާޒު ގާތުގައި ޗެކުތަކަކީ އިބްރާހީމް ޢަބްދުއްލަޠީފް ދޫކުރި ޗެކުތަކެއްތޯ ފަނޑިޔާރުން ސުވާލުކުރުމުން، ޗެކުތައް ދޫކުރުމުގެ މައްސަލައަކީ މިހާރު މައުޟޫޢީ ގޮތުން ހިނގާ މައްސަލައާ ގުޅުމެއް ނެތް މައްސަލައެއްކަމަށް އަޙްމަދު ސިނާޒު ބުނެފައިވާކަން ފާހަގަކުރެވެއެވެ. މީގެ ޖަވާބުގައި، ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިހުގެ ރިޔާސަތުން އަންގާފައިވަނީ، އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހާޒިރުވެހުރީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއްގައި ސާފުކުރަން ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުމަށްކަމަށެވެ. އެހެންކަމުން، ހަމައެކަނި އެ މަޢުލޫމާތު ސާފުކޮށްދިނުމަށް ފަނޑިޔާރު އެދިފައިވެއެވެ. އެހެންނަމަވެސް، އެ މައްސަލައަކީ އިބްރާހީމް ޢަބްދުއްލަޠީފްގެ ލޯކަސް ސްޓޭންޑައި އޮތް މައްސަލައެއް ނޫންކަމަށާއި، އަދި އޭނާގެ ފަރާތުން އެ އަޑުއެހުމަށް ވަންނަންޖެހޭ މައްސަލައެއް ނޫންކަމަށް އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ތަކުރާރުކޮށް އެ ދުވަހުގެ ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވެއެވެ. އަދި އިބްރާހީމް ޢަބްދުއްލަޠީފް ހާޒިރުކުރެވިފައިވަނީ ހަމައެކަނި މަޢުލޫމާތު ސާފުކުރަންކަމަށް ރިޔާސަތުންވެސް ތަކުރާރުކޮށް ބުނެފައިވެއެވެ.

28 ފެބްރުއަރީ 2013 ގައި އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތަށް ހާޒިރުވި އަޙްމަދު ސިނާޒް ބުނެފައިވަނީ އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ޗެކުތަކެއް ދޫކޮށްފައިވާކަމަށާއި އެއްބަސްވުމުގައި އިންޓަރެސްޓު އަރާ ވާހަކައެއް ނެތްކަމަށާއި، އެއްބަސްވުމުގެ ދަށުން އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ދައްކަން އޮތީ $5,173,961.02 (ފަސް މިލިއަން އެއްލައްކަ ހަތްދިހަ ތިންހާސް ނުވަ ސަތޭކަ ފަސްދޮޅަސް އެކެއް އެމެރިކާ ޑޮލަރު ދެ ސެންޓު) ކަމަށާއި، އަދި އެއަށް ވުރެ އިތުރަށް މިހާރުވެސް $5.6 މިލިއަން (ފަހެއް ޕޮއިންޓު ހައެއް) އެމެރިކާ ޑޮލަރު ދައްކާފައިވާކަމަށާއި، ދެން އިތުރަށް މިއަރާ ފައިސާއަކީ ކޮން ގޮތަކަށް އަރާ ފައިސާއެއްކަން ޝަރީޢަތުން ސާފުކުރުން މުހިންމުކަމަށެވެ. ޗެކުތަކަކީ އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ހުށަހެޅި ޗެކުތަކެއް ނަމަވެސް، އެ ޗެކުތަކަކީ އިބްރާހީމް ޢަބްދުއްލަޠީފް ދޭންޖެހޭ ޗެކުތަކެއް ނޫންކަމަށާއި، އެއީ ހަމަ ރިބާގެ ގޮތުގައި ނަގާފައިވާ ޗެކުތަކެއްކަމަށް އިތުރަށް އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ބުނެފައިވެއެވެ. އިބްރާހީމް ޢަބްދުއްލަޠީފް ދޫކުރި ޗެކުތަކާ މެދު ޝަރީޢަތުގެ މަޖިލިހުގައި އިތުރަށް ސުވާލުކުރުމުން، އިބްރާހީމް ޢަބްދުއްލަޠީފްގެ ބަދަލުގައި ހާޒިރުވި އަޙްމަދު ސިނާޒް އެ ސުވާލުތަކުގެ ޖަވާބު ދޭން އިޢުތިރާޟުކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، ސުޕްރީމް ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައަށް ދޭން އައި މަޢުލޫމާތު ދީ ފުރިހަމަވެއްޖެކަމަށާއި، އެ ޗެކު ދިން ތަނަކާއި، ލިބުނު ތަނަކާއި ޗެކުގެ އަސްލު މިއީ މައްސަލައާ ގުޅޭ ކަމެއްކަމަށް ނުފެންނަކަމަށް ބުނެފައިވެއެވެ.

އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ދެން ފާހަގަކޮށްފައިވަނީ، ސުޕްރީމް ކޯޓުގައި ހިނގަމުން ދިޔަ މި މައްސަލައަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ މައްޗަށް އޯނަސް ޕްރައިވެޓް ލިމިޓެޑުން ޤާނޫނުއަސާސީގެ 144 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ހުށަހަޅާފައިވާ މައްސަލައެއްކަމަށާއި، އެއީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޑިސްކްރެޝަނަރީ ބާރު ބޭނުންކުރި ގޮތާ މެދު ސުވާލު އުފައްދާ ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅިގެން ސުޕްރީމް ކޯޓުގެ އަމުރަކަށް އިބްރާހީމް ޢަބްދުއްލަޠީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަމަށެވެ. އަދި އެކަމުގެ ޤާނޫނީ ހުއްޖަތެއް އެނގެން ބޭނުންވާކަމަށް ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިހުން އެ ނުކުތާއަށް ޖަވާބުދީފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން އެކަންކަން ފާހަގަކޮށް އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުނު ސިޓީއަކަށް ޖަވާބުދީފައިވާނެކަމަށް މައްސަލަބެލި ފަނޑިޔާރުން ބުނެފައިވެއެވެ. އެހެންނަމަވެސް، އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން މި މައްސަލައާ ގުޅިގެން އޭނާގެ ޕާސްޕޯޓު ހިފެހެއްޓޭނެ ޤާނޫނީ ސަބަބު އެނގެން ބޭނުންވާކަމަށް ތަކުރާރުކޮށް ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި މި މައްސަލައަކީ ސީދާ އިބްރާހީމް ޢަބްދުއްލަޠީފްއާ ގުޅޭ މައްސަލައެއް ނޫންކަމަށްވެސް ޝަރީޢަތުގައި ބުނެފައިވެއެވެ. މި ސުވާލުގެ ޖަވާބުގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބުނެފައިވަނީ ޢަދުލުވެރި އަމުރުތައް ނުނެރެވި އަސާސީ ޙައްޤުތައް ހިމާޔަތް ނުކުރެވޭނެކަމަށެވެ.

މި މައްސަލައަކީ ހައިކޯޓުން މައްސަލައެއް ބަލައިނުގަތުމަށް ނިންމި ނިންމުމެއް އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެއްކަމުން، އެފަދަ މައްސަލަތަކުގައި މައްސަލައިގެ މައުޟޫޢުއަށް މައްސަލަ ރައްދުވާ ފަރާތުން ޖަވާބުދާރީވާން ނުޖެހޭކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުންވެސް ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް، ފަނޑިޔާރުން އެންގުމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާއަށް ޖަވާބުދާރީވިކަން ފާހަގަކުރެވެއެވެ.

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނިފައިވާ ލިޔެކިއުންތަކުގެ ތެރޭގައި، ޢާންމު ފަރާތަކުން ފޮނުވި ސިޓީއަކަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދީފައިވާ ޖަވާބުގައި، އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ދަޢުވާ ނުކުރަން ނިންމި ސަބަބަކީ 10 ނޮވެންބަރު 2008 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިބްރާހީމް ޢަބްދުއްލަޠީފް ދައްކަންޖެހޭ ފައިސާއަށް ވުރެ ބޮޑު ޢަދަދެއް ދައްކާފައިވާކަން ލިޔެކިއުންތަކުން އެނގެން އޮންނާތީ، މި މައްސަލައިގައި އިތުރަށް ދަޢުވާކޮށްފިނަމަ އެއީ ރިބާގެ މިންވަރެއް ހޯދައިދިނުމަށް ވެދެވޭ އެހީތެރިކަމެއް ކަމަށް ފެންނާތީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ފޮނުވާފައިކަމަށް ބަޔާންކޮށްފައިވެއެވެ.

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއާ ގުޅިގެން ފާހަގަކުރެވޭ ބައެއް ކަންކަން

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގައި ފާހަގަކުރެވޭ ބައެއް މުހިންމު ކަންކަން ތިރީގައި ބަޔާންކޮށްލާނަމެވެ؛

މި މައްސަލައަކީ ހައިކޯޓުން މައްސަލައެއް ބަލައިނުގަތުމުން، ބަލައިނުގަތުމަށް ނިންމި ނިންމުން އިސްތިއުނާފުކޮށްފައިވާ މައްސަލައެއްކަމުން، އިސްތިއުނާފީ މައުޟޫޢުއަކީ ހައިކޯޓުގެ ނިންމުން ބިނާވެފައިވަނީ ޤާނޫނީ އަސާސެއްގެ މައްޗަށްކަން ނުވަތަ ނޫންކަން ކަނޑައެޅުން.

ހައިކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުމުގެ ޤާނޫނީ ޞައްޙަކަން ކަނޑައެޅުމުގެ ބަދަލުގައި، ހައިކޯޓަށް ހުށަހެޅުނު ދުސްތޫރީ މައްސަލައެއްކަމަށް ބުނާ މައްސަލައިގެ މައުޟޫޢުއަށް ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައިވުން.

ދުސްތޫރީ މައްސަލައިގެ މައުޟޫޢުއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ޗެކު ބައުންސްވުމުގެ މައްސަލައިގައި ދަޢުވާ ނުކުރުމަށް ނިންމި ނިންމުން މުރާޖަޢާކޮށްދިނުމަށް އެދުންކަން.

ސުޕްރީމް ކޯޓުން ޙުކުމް ކުރީ ސީދާ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އެ އޮފީހުގެ ނިންމުމެއް އަލުން މުރާޖަޢާކޮށްދިނުމަށް އޯނަސް ޕްރައިވެޓް ލިމިޓެޑަށް އެދެވިދާނެ ކަމުގައިވުން.

މި މައްސަލައިގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދަޢުވާ ނުކުރުމަށް ނިންމި މައްސަލައިގެ މައުޟޫޢުއަށްވެސް ގޮސްފައިވާކަން.

އިބްރާހީމް ޢަބްދުއްލަޠީފަކީ މި މައްސަލައިގެ ޚަޞްމެއް ނޫންކަން ތަކުރާރުކޮށް ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ ސަމާލުކަމަށް ގެނެސްފައިވާކަން.

މި މައްސަލައާ ގުޅިގެން އިބްރާހީމް ޢަބްދުއްލަޠީފްގެ ޕާސްޕޯޓު ހިފަހައްޓާފައިވާކަން.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންވެސް ދަޢުވާ ނުކުރަން ނިންމި މައްސަލައާ ގުޅިގެން، އިބްރާހީމް ޢަބްދުއްލަޠީފް ދޫކޮށްފައިވާ ޗެކުތައް ބައުންސްވުމުގެ ކުށުގެ ޒިންމާއާއި ދަރަނީގެ ޒިންމާއިން އެ ޗެކުތައް ދޫކުރި ފަރާތް ޤާނޫނީ ހަމަތަކުގެ މަތިން ބަރީއަވެފައިވާ ސަބަބެއް ނެތްކަމަށް ޙުކުމްކޮށްފައިވާކަން.

އެހެންކަމުން، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާގައި ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅަންޖެހޭ މައުޟޫޢުގެ އެތައް ގުނައެއްގެ ބޭރުން ގޮތް ކަނޑައަޅާފައިވެއެވެ. ސުވާލަކީ މި ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަންކަމަކީ ދަށު ކޯޓުތަކުން އެކަމެއްގެ މައްޗަށް ޢަމަލުކުރުން ލާޒިމު، ޤާނޫނީ ގޮތުން ބަނދެވޭ ނިންމުމެއް ކަމުގައި ބެލެވިދާނެތޯއެވެ؟ ނުވަތަ އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް، ދަރަންޏެއްގެ މައްސަލައެއްގައި ޝަރީޢަތެއްކޮށް އެ ދަރަނީގެ މައްސަލައިގައި ސުޕްރީމް ކޯޓުން މިވަނީ ފަހުބަސް އިއްވާފައި ހެއްޔެވެ؟

ސުޕްރީމް ކޯޓުގެ ސިޓީ

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގައި ޙުކުމް ކުރީ 25 މާރޗް 2013 ގައެވެ. އޭގެ ގާތްގަނޑަކަށް 2 (ދޭއް) އަހަރު ފަހުން 4 މާރޗް 2015 ގައި، ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް ކުއްލިއަކަށް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގެ ނަންބަރަކީ197-BAI/144/2015/8 އެވެ. އެ ސިޓީގައި ބުނެފައިވަނީ:

"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 ]އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2013[ ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ކަނޑައެޅި ނިޔާގެ ބާރު ލިބިގެންވާ ފައިސަލާކުރަނިވި ނިހާއީ ޙުކުމަކަށް ވެފައި، މަތީ މަރުޙަލާގެ ކޯޓުތަކުން ކުރާ ޙުކުމްތައް ތަންފީޛުކުރަމުން ގެންދިއުމަކީ ކަމާބެހޭ ދަށު މަރުޙަލާގެ ކޯޓުގެ އިޚްތިޞާޞަކަށް ވާތީ ބުނެވިދިޔަ ޤަޟިއްޔާގެ ޙުކުމް ތަންފީޛުކޮށްދިނުމަށް އެދި ގ. ޗާންދަނީޕެލަސް އިބްރާހީމް ނާޞިރު މުޙައްމަދު ހުށަހަޅާފައިވާ ޙުކުމް ތަންފީޛުކުރުމުގެ މައްސަލާގައި އެ ޙުކުމުގައިވާ މަދަނީބައި އެ ޙުކުމުގައިވާ ގޮތުގެ މަތިން ތަންފީޛުކޮށް ނިންމުމަށްޓަކައި ތިޔަ ކޯޓަށް ތަޙުވީލުކޮށް މިވާހަކަ ދެންނެވީމެވެ."

މިފަދައިން ބަޔާންކޮށްފައިވެއެވެ. މި ލިޔުމުގައި ސޮއިކޮށްފައިވަނީ އޭރު ސުޕްރީމް ކޯޓުގެ ރަޖިސްޓްރާރގެ މަސްއޫލިއްޔަތާ ޙަވާލުވެހުރި ފާޠިމަތު ޔުމްނާއެވެ.

އިސްވެ ޙަވާލާދެވުނު ސިޓީ ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް ފޮނުވަންޖެހުނީ ކޮންފަރާތަކުން ކޮންކަމަކަށް އެދިގެންކަމެއް ލިޔެކިއުންތައް ބެލެހެއްޓިފައިހުރި ގޮތުން އެހާ ސާފުކޮށް އެނގޭކަށްނެތެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުގެ މި ސިޓީ ލިޔުނު ތާރީޚުކަމުގައިވާ 4 މާރޗް 2015 ގެ ދެ ދުވަސް ކުރިން، 2 މާރޗް 2015 ގައި ގ. ޗާންދަނީޕެލަސް އިބްރާހީމް ނާޞިރު މުޙައްމަދު ކިޔާ ފަރާތަކުން ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ.

މި ސިޓީ ފަށަމުން، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގައި އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ކޮށްފައިވާ ޙުކުމްފާހަގަކޮށްފައިވެއެވެ. އަދި "މިފަދަ ޢަދުލުވެރި ޙުކުމެއް ކުރައްވާފައިވާތީ އެކަމަށް ޝުކުރުވެރި..."ވާކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ. އެއަށްފަހު އެ ސިޓީގައި ސުޕްރީމް ކޯޓުން ކުރި ޙުކުމް، މި ކޯޓުން ތަންފީޒުކޮށްދިނުމަށް އެދިފައިވެއެވެ. އަދި މީގެ އިތުރުން،

"ހަމަ އެފަދައިން ދަޢުވާކުރާ ފަރާތަކީ ވަރަށް ފުޅާ ދާއިރާއެއްގައި ވިޔަފާރިކުރާ ފަރާތަކަށްވެފައި މި މައްސަލަ ލަސްވެ މި ފައިސާ ނުލިބި ދިޔަ މުއްދަތުގައި US$4,000,000.00 ގެ ގެއްލުން ލިބިފައިވާތީ ގެއްލުމުގެ މި ބަދަލު ނަންގަވައި ދެއްވައި އަދި އިބްރާހީމް ޢަބްދުއްލަޠީފަށް ދިން ފައިސާގެ ލޯނަށް އިންޓްރެސްޓުގެ ގޮތުގައި ދެއްކި 10,640,362.79 (ދިހަމިލިއަން ހަލައްކަ ސާޅީސްހާސް ތިން ސަތޭކަ ފަސްދޮޅަސް ދޭއް ރުފިޔާ ހަތްދިހަ ނުވައެއް) ރުފިޔާއަކީ އިބްރާހީމް ޢަބްދުއްލަޠީފްގެ ސަބަބުން ބޭންކަށް ދައްކަންޖެހުނު ފައިސާކަމަށްވާތީ މި ފައިސާ ނަންގަވައިދެއްވައި އަދި އެއްބަސްވުމުގެ 6 ވަނަ މާއްދާގައި މިފައިސާ ދެއްކުމަށް އިންކާރުކޮށް މިއާ ޚިލާފުވެއްޖެނަމަ އެ މައްސަލަކަމާބެހޭ ފަރާތްތަކަށް ހުށަހަޅައިގެން ކުރިއަށް ގެންދަން ޖެހިއްޖެނަމަ އެކަމަށް އިސްމާއިލް ޝުޖާޢު ޢައްޔަންކުރާ ލޯޔަރަށް އުޖޫރައެއްގެ ގޮތުގައި 100,000/- (އެއްލައްކަ ޑޮލަރު) ދިނުމަށް އިބްރާހީމް ޢަބްދުއްލަޠީފް އެއްބަސްވެފައިވާތީ މި ފައިސާ ނަންގަވައިދެއްވައި މައްސަލަ ނިންމަވައި ދެއްވުން އެދެމެވެ."

މިފަދައިން ބަޔާންކޮށްފައިވެއެވެ.

ގ. ޗާންދަނީޕެލަސް އިބްރާހީމް ނާޞިރު މުޙައްމަދު ކިޔާ ފަރާތުން ފޮނުވާފައިވާ މި ސިޓީގައި އެއް ފަހަރު އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގެ ޙުކުމް ތަންފީޒުނުކޮށްފިނަމަ އޭނާގެ ޙައްޤެއް ގެއްލިދާނެކަމަށް ބުނެފައިވާއިރު، އަނެއް ފަހަރު އިސްމާޢީލް ޝުޖާޢުއާ ޙަވާލާދީ އޭނާގެ ލޯޔަރުގެ ވާހަކަވެސް ދައްކާފައިވާކަން ފާހަގަކުރަމެވެ.

ކޮންމެ ގޮތެއް ވިޔަސް، ޢާންމު ރައްޔިތަކަސް ނުވަތަ ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ ލިބިފައިވާ، އަދި ޤާނޫނީ ވަކީލެއްގެ ގޮތަށް މަސައްކަތްކުރަމުން އަންނަ ފަރާތަކުންވިޔަސް ފޮނުވާފައިވާ މި ސިޓީގައި ބަޔާންކުރެވިފައިވާ ކަންކަމަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ ޤާނޫނީ ނިޒާމުގެ ބޭރުން، ވަކި ފަރުދެއްގެ މަޞްލަޙަތަށްޓަކައި ޤާނޫނުތަކާއި އިޖުރާއަތުތައް މުގުރާލުމަށްފަހު ޙައްލެއް ހޯދައިދިނުމަށް އެދި ފޮނުވާފައިވާ ސިޓީއެއްކަން ފާހަގަކުރަމެވެ. ޤާނޫނުތަކާއި އިޖުރާއަތުތައް މުގުރާލުމަށް މި ސިޓީއިން ބާރުއަޅާކަމަށް ބުނާ ސަބަބަކީ، ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ކަމާބެހޭ ކޯޓަށް މައްސަލައެއް ހުށަހަޅައި، ކަމެއް ސާބިތުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި، އިބްރާހީމް ނާޞިރު މުޙައްމަދު ދިވެހިރާއްޖޭގެ އެންމެ މަތީ ކޯޓުގައި ސިޓީއަކުން އެދެނީ މި ކޯޓަކީ އެންމެ މަތީ ކޯޓަށްވީތީ، ޝަރީޢަތަކާ ނުލައި އަމިއްލަ ފަރުދެއްގެ ކިބައިން ފައިސާ ނަގައިދިނުމަށްކަމުގައިވާތީއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ޝަރުޢީ ކޯޓުތަކުގެ އިޚްތިޞާޞްއާއި ކޯޓުތަކަށް މައްސަލަ ހުށަހެޅުމުން ހިނގާނެ އިޖުރާއަތުތަކާއި، ޙުކުމްތަކާއި ނިންމުންތަކާއި މައްސަލަތައް ބަލައިނުގަތުމަށް ނިންމާ ނިންމުންތައް އިސްތިއުނާފުކުރެވޭނެ ގޮތް ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން، އެކި ކޯޓުތަކުގެ ގަވާއިދުތަކުގެ ދަށުން އެ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ޢަމަލުކުރަންޖެހޭ އިޖުރާޢަތުތައްވެސް ބަޔާންކުރެވިފައިވެއެވެ.

ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް ޙުކުމް ތަންފީޒުކުރުމަށް އަންގައި ފޮނުވި ސިޓީއަށް ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަކީ ފައިސާ ހޯދުމާ ގުޅޭ މަދަނީ މައްސަލަތައް ތަންފީޒުކުރަން ހުށަހަޅަން އޮންނަ ކޯޓެއް ނޫނެވެ. އިސްތިއުނާފީ ކޯޓުތަކުން ނިންމާ މަދަނީ ނިންމުންތައް ތަންފީޒުކުރަން އޮންނަ ޢާންމު އިޖުރާއަތަކީ، މައްސަލަ ތަންފީޒުކުރަން އެދޭ ފަރާތުން ނުވަތަ ފައިސާގެ މައްސަލައެއްނަމަ އަރަނިވެރިޔާ، ތަންފީޒުކުރަން އެދޭ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅައިގެން ކުރިއަށް ގެންދިއުމެވެ. އަދި އެފަދަ މައްސަލަތައް ކޯޓަށް ހުށަހަޅައިދިނުމަށް އެހީތެރިވެދެނީ ޤާނޫނީ ވަކީލުން ކަމުގައިވާއިރު، ޙުކުމް ތަންފީޒުކޮށްދިނުމަށްޓަކައި މައްސަލައިގެ އެއް ޚަޞްމެއްގެ ފަރާތުން، ދިވެހިރާއްޖޭގެ އެންމެ މަތީ މަރުޙަލާ ކޯޓުން ސިވިލް ކޯޓަށް ސިޓީއަކުން މައްސަލަ ހުށަހަޅައިދިނުމަކީ، ޤާނޫނު ދަންނަ އިޖުރާއަތެއްނޫނެވެ.

ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާ

ޙުކުމް ތަންފީޒުކުރުމަށް އަންގާ ސުޕްރީމް ކޯޓުން ސިޓީ ފޮނުވުމުން، އެ ސިޓީއާ ޙަވާލާދީ، ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއިން ޙުކުމް ތަންފީޒުކުރުމުގެ މައްސަލައެއް ހިންގާފައިވެއެވެ. މި ގަޒިއްޔާގައި އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއާ ޙަވާލާދީ، އިބްރާހީމް ޢަބްދުއްލަޠީފް އޯނަސް ޕްރައިވެޓް ލިމިޓެޑަށް US$2,855,353.08 (ދެ މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ތިންސަތޭކަ ފަންސާސް ތިނެއް އެމެރިކާ ޑޮލަރު އަށް ސެންޓް) އެ މައްސަލައިގައި ޙުކުމް ކުރި ތާރީޚުކަމުގައިވާ 8 އޭޕްރިލް 2015 އިން ފެށިގެން 4 (ހަތަރެއް) މަސް ދުވަހުގެ ތެރޭގައި ދައްކަން އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް އަންގައި، ޙުކުމްކޮށްފައިވެއެވެ.

މުޅި މައްސަލައިގެ ނިންމުން ބިނާވާ ސަބަބަކީ، އިބްރާހީމް ޢަބްދުއްލަޠީފް ދޫކޮށްފައިވާ ޗެކުތައް ބައުންސްވުމުގެ ކުށުގެ ޒިންމާއާއި ދަރަނީގެ ޒިންމާއިން، އިބްރާހީމް ޢަބްދުއްލަޠީފް ޤާނޫނީ ހަމަތަކުގެ މަތިން ބަރީއަވެފައިވާކަމަށް ބެލެވޭނެ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގައި ބަޔާންކޮށްފައި އޮންނަ އޮތުމެވެ.

ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއިން ޙުކުމް ތަންފީޒުކުރިއިރު، އެއްބަސްވުމުގައި ސޮއިކުރި ފަރާތްތަކާއި، ސުޕްރީމް ކޯޓުގައި ދަޢުވާ ކުރި ފަރާތްތަކާއި، ފައިސާގެ މުޢާމަލާތް ހިނގި ގޮތާއި، ޝަރީޢަތަށް ސާބިތުވާ ޢަދަދާއި، ދައްކާ ޚަލާޞްކޮށްފައިވާ ޢަދަދުތައް ފަދަ އެއްވެސް ކަމެއް ބަލައި، ކަށަވަރުކޮށްފައިނުވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާމި ގަޒިއްޔާއަކީ 7 ޑިސެންބަރު 2017 ގައި ނިންމާފައިވާ ގަޒިއްޔާއެކެވެ. މި ގަޒިއްޔާގެ ޙުކުމުގައި ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް) ގަޒިއްޔާއިން ސާބިތުވެ، އޯނަސް ޕްރައިވެޓް ލިމިޓެޑަށް އިބްރާހީމް ޢަބްދުއްލަޠީފް ދައްކަންޖެހޭ US$2,855,353.08 (ދެ މިލިއަން އަށްލައްކަ ފަންސާސް ފަސްހާސް ތިންސަތޭކަ ފަންސާސް ތިނެއް އެމެރިކާ ޑޮލަރު އަށް ސެންޓް) ގެ ތެރެއިން އެއްވެސް މިންވަރެއް ދައްކާފައިވާކަން ޝަރީޢަތަށް އެނގެން ނެތަތީ، "ކޯޓުން އިސްނަގައިގެން ޙުކުމް ތަންފީޛު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" ގެ ދަށުން ޙުކުމް ތަންފީޒު ކުރުމުގެ ގޮތުން މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ޝަރީޢަތަށް ޤަބޫލުކުރެވޭތީ، އެ މައްސަލައިގައި ޙުކުމް ކުރި ތާރީޚުން ފެށިގެން 20 (ވިހި) ދުވަހުގެ ތެރޭގައި ފައިސާ އެއްކޮށް ދެއްކުމަށާއި، މި މުއްދަތުގެ ތެރޭގައި ފައިސާ ނުދައްކައިފިނަމަ، ތަންފީޒީ ފިޔަވަޅު އެޅޭނެކަން އަންގައި، އަލުން އެ މައްސަލަ ސިވިލް ކޯޓުގެ އިސްނެގުމުގެ މަތިން ބަލަންފަށާ ގޮތަށް އެ މައްސަލަ ނިންމައި، އެ މައްސަލައިގައި ޙުކުމްކޮށްފައިވާކަމަށެވެ.

"ކޯޓުން އިސްނަގައިގެން ޙުކުމް ތަންފީޛު ކުރުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު" އަށް ޢަމަލުކުރަން ފެށީ 2 ސެޕްޓެންބަރ 2015 ގައެވެ. މިއީ ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާގައި ޙުކުމްކުރި ފަހުން ޢަމަލުކުރަން ފެށި އުޞޫލެކެވެ. މި އުޞޫލުގެ ދަށުން މައިގަނޑު ގޮތެއްގައި 15 ފެބްރުއަރީ 2015 ގެ ފަހުން ކޮށްފައިވާ ޙުކުމްތަކުގެ ތެރެއިން މަހަކު ވަކި ވަރެއް ދައްކަމުން ގޮސް އެ ފައިސާ ޚަލާޞްކުރާ ގޮތަށް ޙުކުމްކޮށްފައިވާ މައްސަލަތަކުގައި، ފައިސާ ދައްކައިފިކަން އަރަނިވެރިޔާގެ ފަރާތުން ކޯޓަށް އަންގާފައިނުވާނަމަ، ފައިސާ ދައްކާ ޚަލާޞްކުރުމަށް ޙުކުމުގައި އޮންނަ މުއްދަތު ހަމަވުމުން، ކޯޓުން އިސްވެ އެ ޙުކުމް ތަންފީޒު ކުރުމުގެ މައްސަލަތައް ބަލަން ފަށާނެކަމަށް ބަޔާންކޮށްފައިއޮވެއެވެ.

އެހެންކަމުން، ސިވިލް ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާއަކީ، އެ ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާގައިވާ ގޮތުގެ މަތިން ފައިސާ ނުދެއްކުމުން ސިވިލް ކޯޓުން ބަލާފައިވާ މައްސަލައެކެވެ.

ހައިކޯޓުގައި އިސްތިއުނާފުކުރަން އެދުން

ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާގައި 8 އޭޕްރިލް 2015 ގައި ޙުކުމްކުރުމުން، އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް، 18 މެއި 2015 ގެ ހައިކޯޓު ރެޖިސްޓްރާރގެ ނިންމުމުގައި އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައިވެއެވެ. އަދި ސަބަބެއް ކަމަށް ބުނެފައިވަނީ އިބްރާހީމް ޢަބްދުއްލަޠީފް ހުށަހަޅާފައިވާ ކަންކަމާމެދު ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013)) ގަޒިއްޔާއިން ގޮތެއް ކަނޑައަޅާފައިވާކަން އެނގެން އޮންނާތީ، ޤާނޫނުއަސާސީގެ143 ވަނަ މާއްދާގެ (ރ) އާއި ހައިކޯޓުގެ ގަވާއިދު (2011) ގެ 25 ވަނަ މާއްދާއާ ޙަވާލާދީ މި މައްސަލަ ބެލުމުގެ އިޚްތިޞާޞް ހައިކޯޓަށް ލިބިގެންނުވާތީ، އެ މައްސަލަ ބަލައިގެނެވެން ނެތްކަމުގައިވާތީއެވެ.

ހައިކޯޓުގެ ރެޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށްދިނުމަށް އެދި އެ ކޯޓުގެ ފަނޑިޔާރުންނަށް ހުށަހެޅުމުން، ހައިކޯޓުގެ ފަނޑިޔާރުންވެސް ރެޖިސްޓްރާރގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-RM/2015/06 (NR) "ރެޖިސްޓްރާރގެ ނިންމުން މުރާޖަޢާކޮށް ނިމުނު ގޮތުގެ ރިޕޯޓު" ގައި ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާގައި އިސްތިއުނާފުކުރުމަށް އެދި އިބްރާހީމް ޢަބްދުއްލަޠީފް ހުށަހަޅާފައިވާ ކަންކަމާމެދު ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2013) ގަޒިއްޔާގައި ފައިޞަލާކޮށްފައިވާ ކަމަށް ބެލެވެން އޮންނާތީއާއި ސިވިލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި ހަރުދަނާ ޤާނޫނީ ނުކުތާއެއް ހުށަހަޅާފައިނުވާތީ، ރަޖިސްޓްރާރގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅާފައިވެއެވެ.

ހައިކޯޓުން މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން

ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާ އިސްތިއުނާފުކުރަން އެދި ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ސުޕްރީމް ކޯޓުގައި އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން 31 އޯގަސްޓް 2015 ގައި އިސްތިއުނާފުކުރިއެވެ. 11 އޮކްޓޯބަރު 2015 ގައި ސުޕްރީމް ކޯޓުގެ 5 ފަނޑިޔާރުން ނިންމާފައިވަނީ އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ ދަށުން ބަލައިގަންނަންޖެހޭ މައްސަލައެއް ނޫންކަމަށެވެ. މީގެ ތެރެއިން 3 ފަނޑިޔާރުންނަކީ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ ނިންމި 3 ފަނޑިޔާރުންނެވެ.

ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމަށް އެދި ހުށަހެޅި 2019/SC-S/15 ގަޒިއްޔާގެ މައްސަލަ

2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުވުމަށްފަހު، އަލުން ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން މަސައްކަތްކުރިއެވެ. އެގޮތުން، 10 ޖަނަވަރީ 2019 ގައި "ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ބަލައިދިނުމުގެ ހުއްދައަށް އެދޭ ފޯމް" އިން ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާ އަލުން ބަލައިދިނުމަށް އެދި ހުށަހަޅާފައިވެއެވެ. މި މައްސަލައިގައި އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން އެދިފައިވަނީ ސިވިލް ކޯޓުގެ ޙަވާލާދެވުނު ދެ ގަޒިއްޔާ ބާޠިލުކޮށްދިނުމަށާއި އަދި ސުޕްރީމް ކޯޓުން ޙުކުމް ތަންފީޒު ކުރުމަށް އަންގައި މައްސަލަ ތަޙުވީލު ކުރި ކަމަށް އެންގި އެންގުން (ސުޕްރީމް ކޯޓުގެ ނަންބަރު 197-BAI/144/2015/8 ސިޓީ) ރިވިޔުކޮށްދިނުމަށެވެ.

5 މާރޗް 2019 ގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން މި މައްސަލަ ބަލައިގަތުމަށް ނިންމާފައިވެއެވެ. އަދި މި މައްސަލަ ރަޖިސްޓްރީ ކުރެވިގެންދިޔައީ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-S/15 ގަޒިއްޔާގެ ގޮތުގައެވެ. މި ގަޒިއްޔާގެ އެއް އަޑުއެހުން 25 އޭޕްރިލް 2019 ގައި ބޭއްވުނެވެ. އަދި އެ އަޑުއެހުމުގައި އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ހުށަހެޅި ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ހުށަހެޅި ފޯމު އިސްލާޙު ކުރަން މައްސަލަ ބެލި ފަނޑިޔާރުން އަންގާފައިވެއެވެ. އެގޮތުން، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/22 (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2013) ގަޒިއްޔާ މުރާޖަޢާކޮށްދިނުމަށް އެދި ފޯމު އިސްލާޙު ކުރަން އިބްރާހީމް ޢަބްދުއްލަޠީފަށް އެންގިއެވެ. އަދި މިކަން ކޮށްފައިވަނީ މައްސަލަ ބަލާ ފަނޑިޔާރުންގެ އިސްނެގުމަކަށްކަން އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޝަރީޢަތުގެ މަޖިލިހުގައި ފާހަގަކޮށްފައިވާކަން މައްސަލައިގެ ބަޔާންތަކުން އެނގެން އޮވެއެވެ.

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހެޅި ނަންބަރު 2019/SC-A/15 ގަޒިއްޔާގެ މައްސަލަ

ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-S/15 ގަޒިއްޔާގައި ކޮށްފައިވާ ދަޢުވާ އިސްލާޙުކުރުމަށް އެ މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 25 އޭޕްރިލް 2019 ގައި ބޭއްވުނު އަޑުއެހުމުގައި އެންގުމުން، އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ދެން ހުށަހެޅީ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމެކެވެ. މި ފޯމުގައި އިތުރުކުރެވިފައިވަނީ، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ މުރާޖަޢާކޮށްދިނުމަށް އެދިފައިވާ އެދުމެވެ. މިއީ ސުޕްރީމް ކޯޓުގައި މިހާރު ބަލަމުން މިދާ މައްސަލައެވެ.

މި މައްސަލައިގައި އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކަކީ؛

މަދަނީ ޙުޞޫމާތްތަކާއި ގުޅިގެން ގޮތެއް ނިންމާ ޒިންމާ ކަނޑައެޅުމުގައި ވަކިވަކިން މަދަނީ މިންގަނޑުން ސާބިތުވާ ޚަތައު އެއްގޮތްކަން ކަނޑައަޅަންޖެހޭކަމާއި، މިގޮތަށް ކަނޑައަޅަންޖެހެނީ ދެފަރާތަށް ހަމަހަމަކޮށް ފުރުޞަތު ދެވިގެން ހިންގޭ ޢަދުލުވެރި އިންސާފުވެރި ޝަރީޢަތެއް މެދުވެރިކޮށްކަމާއި، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުމެއް ބާޠިލުކޮށްދިނުމަށް އެދި އޯނަސް ޕްރައިވެޓް ލިމިޓެޑުން ހުށަހެޅި މައްސަލައެއްކަމަށްވާއިރު، މި ގަޒިއްޔާގެ ތެރެއިން ކަމެއް ސާބިތުކުރާނަމަ ކުރަންވާނީ މަދަނީ އިޖުރާއަތުގައި އިސްތިގުރާރުވެފައިވާ އުޞޫލުތަކާ އެއްގޮތަށްކަމަށް ބުނެ ހުށަހެޅި ނުކުތާ؛

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ ބިނާވާ ޗެކުތަކަކީ އަތަމާ މެރިން އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑުން ދޫކޮށްފައިވާ ޗެކުތަކެއްކަމަށް ވާއިރު، މި ގަޒިއްޔާއާ ގުޅިގެން އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ޝަޚްޞީގޮތުން ޒިންމާ ކަނޑައަޅާފައިވަނީ ޤާނޫނު ނަންބަރު 16/95 (ފައިސާއަށް ބަދަލުކުރެވޭގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު) ގެ 22 ވަނަ މާއްދާއާއި 12 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގެ އެއްވެސް ހިސާބެއްގައި އެ ގަޒިއްޔާގެ އެއްވެސް ނިންމުމަކާގުޅޭ އެއްވެސް ކަމެއް ކުރުމަށް ދަށު ކޯޓަށް ތަޙުވީލުކުރަންޖެހޭކަމަށް ބަޔާންކޮށްފައިނުވާއިރު، އެ ގަޒިއްޔާގެ "މަދަނީ ބައި" ތަޙުވީލުކުރުމަށް ސުޕްރީމް ކޯޓުގެ ނަންބަރު 197-BAI/144/2015/8 ސިޓީން ސިވިލް ކޯޓަށް އަންގާފައިވަނީ "ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލިހުގެ ގަވާއިދު" ގެ 4 ވަނަ މާއްދާގެ (އ) އާއި 5 ވަނަ މާއްދާއާ ޚިލާފަށްކަމަށާއި، އެ ސިޓީގައި ފަނޑިޔާރުންގެ މަޖިލިހުގެ ނިންމުމަކަށް އިޝާރާތްކޮށްފައިނުވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ.

އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން އެދިފައިވަނީ އަންނަނިވި ކަންކަމަށެވެ؛

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގެ ޙުކުމުގައިވާ މަދަނީ ބައި ތަންފީޒުކުރުމަށް އަންގައި، މައްސަލަ ސުޕްރީމް ކޯޓުން ސިވިލް ކޯޓަށް ތަޙުވީލުކުރިކަމަށް އަންގައި ފޮނުވި ނަންބަރު 197-BAI/144/2015/8 ސިޓީ ރިވިޔުކޮށްދިނުން

ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު910/Cv-C/2015 ގަޒިއްޔާ ބާޠިލުކޮށްދިނުން

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގެ ޙުކުމާއި، އެ ގަޒިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ގ) އާއި އަދި އެނޫންވެސް އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ޗެކުތަކަށް ޒިންމާވާގޮތަށް ކަނޑައަޅާފައިވާ އެންމެހައި ކަންކަން އަލުން ބަލައި، މުޅި މައްސަލަ ރިވިޔުކޮށްދިނުން

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ތަޠުބީޤުވުން

އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ހުށަހަޅާފައިވާ ފުރަތަމަ ނުކުތާގައި، ސުޕްރީމް ކޯޓުގެ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއަކީ އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ މައްސަލައެއްކަން ފާހަގަކޮށްފައިވެއެވެ. އަދި އިބްރާހީމް އަބްދުއްލަޠީފް ޚަޞްމަކަށް ނުވާ މައްސަލައެއްގައި، އިބްރާހީމް ޢަބްދުއްލަޠީފްއާ ދެކޮޅަށް ގޮތްތަކެއް ކަނޑައަޅައިފިކަމަށް ބުނެ، ސިވިލް ކޯޓުގައި އެ މައްސަލަ ތަންފީޒު ކުރުމަށް ސުޕްރީމް ކޯޓުން އެންގުމަކީ މަދަނީ އިޖުރާއަތުގެ ތެރެއިން ކަށަވަރުކޮށްދޭ ޑިއު ޕްރޮސެސްގެ އުޞޫލުތަކާ ޚިލާފުކަމެއްކަމަށް ބުނެފައިވެއެވެ.

މި ނުކުތާގެ ރައްދުގައި އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގައި، ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ނ) އާއި އެއިރު ޢަމަލުކުރަމުން ދިޔަ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާގެ (ރ) އަދި (ބ) ގެ ދަށުން، މައްސަލައަކާ ގުޅިގެން ކޯޓަށް ފެންނަ ކޮންމެ ބަޔަކު ހާޒިރުކުރުމުގެ ފުރިހަމަ ބާރު ކޯޓަށް ލިބިފައިވާކަމަށެވެ. އަދި އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ގަޒިއްޔާ ސުޕްރީމް ކޯޓުން ނިންމާފައިވަނީ މި ކޯޓަށް ލިބިފައިވާ އިޚްތިޞާޞްގެ ދަށުން ކަމަށާއި، އަދި އެ ނިންމުމަކީ ހުރިހާ ފަރާތަކުން ތަބާވުން ލާޒިމުކުރާ އެންމެ ފަހު ނިންމުންކަމަށެވެ.

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގައި، އެއްވެސް ފަރާތަކުން ނުކުރާ ދަޢުވާއެއްގެ މައްޗަށް އެ ގަޒިއްޔާއިން ޙުކުމެއް އައިސްފައިވަނީ ކިހިނެތްތޯއާއި، އަދި މިހާރު އޯނަސް ޕްރައިވެޓް ލިމިޓެޑުން އެދެނީ ސުޕްރީމް ކޯޓުގެ އެ ޙުކުމް ތަންފީޒު ކުރުމަށްކަމަށާއި، މި ކަމަކީ މިއީ ދިވެހިރާއްޖޭގައި ކޯޓުތަކަށް މައްސަލަ ހުށަހެޅުމުގެ ނިޒާމުގެ ތެރެއިން ގޮސްފައިވާ ކަމެއް ނޫންކަމަށް ފާހަގަކޮށް، އޯނަސް ޕްރައިވެޓް ލިމިޓެޑާ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ސުވާލުކުރެވިފައި ވެއެވެ. ޖަވާބުގައި އޯނަސް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވަނީ، އެ ކުންފުނިން ސުޕްރީމް ކޯޓަށް ދިޔުމުން، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ލިބިދީފައިވާ އެ ފަނޑިޔާރުންގެ ޝަރުޢީ ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމުން، އެ ފަނޑިޔާރުންނަށް ޢަދުލު އިންސާފު ގެއްލިގެން ހިނގައިދާނެތީ، ނޫނީ މީހެއްގެ ޙައްޤު ގެއްލިގެން ހިނގައިދާނެކަމަށް ބިރު ހީވެގެން، އެ ފަނޑިޔާރުން ޙުކުމްކުރީ ކަމަށެވެ. އަދި މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަކީ އިސްލާމީ ޝަރީޢަތް ހުއްދަކުރާ ކަމެއްކަން ދޭހަވާ މޭރުމުން ވާހަކަ ދައްކާފައިވެއެވެ.

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ އިބްރާހީމް ޢަބްދުއްލަޠީފް މައްޗަށް ތަޠުބީޤުވާ ގޮތަށް ބަލާއިރު، މި ގަޒިއްޔާ މައިގަނޑު ދެ ގޮތަކަށް ކޯޓުތަކުން ތަޠުބީޤުކުރުމުގެ ފުރުޞަތު އެބައޮތެވެ. އެގޮތުން؛

(ހ) ފުރަތަމަ ގޮތަކީ، އެ މައްސަލައަކީ މަތީ މަރުޙަލާ ކޯޓަކުން ނިންމާފައިވާ ނިންމުމެއްކަމުން، ދަށު ކޯޓުތަކުން އެ ނިންމުމަށް ޢަމަލުކުރުން ލާޒިމުވުން، އަދި

(ށ) ދެވަނަ ގޮތަކީ، ރެސް ޖުޑިކާޓާގެ އުޞޫލުތައް މިހާރު ހުށަހެޅިފައިމިވާ މައްސަލައިގެ މައްޗަށް ހިނގުން

(ހ) މަތީ މަރުޙަލާ ކޯޓުތަކުން ކަނޑައަޅާ އުޞޫލުތަކާއި ނިންމާ ނިންމުންތައް އެއަށްވުރެ ދަށު މަރުޙަލާ ކޯޓުތަކުން ޢަމަލުކުރުން ލާޒިމުވުން

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް ބަޔާންކޮށްފައިއޮވެއެވެ. އަދި 143 ވަނަ މާއްދާގެ (ނ) ގައި، ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުޙަލާއަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވާކަމަށް ބަޔާންކޮށްފައިއޮވެއެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ (2) އަށް ރިޢާޔަތްކުރާއިރު، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި މައްސަލައާ އެއްފަދަ އެހެން މައްސަލަތަކުގައި އެ ކޯޓުން ކުރިން ކޮށްފައިވާ ޙުކުމް ނުވަތަ އެ ކޯޓަށް ވުރެ މަތީ ކޯޓަކުން ކޮށްފައިވާ ޙުކުމަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައި އޮވެއެވެ.

ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި މިވާ މަފްހޫމްއަކީ ދުނިޔޭގެ ކޮމަން ލޯ ނިޒާމްތަކުން ނަގާފައިވާ މަފްހޫމެއްކަމަށް ބެލެވެއެވެ. "ކޮމަން ލޯ" މި ލަފްޒު ބޭނުންކޮށްފައިމިވަނީ، މަތީ މަރުޙަލާ ކޯޓުތަކުން ކަނޑައަޅާ އުޞޫލުތަކަށް ދަށު މަރުޙަލާ ކޯޓުތަކުން ތަބާވުން ލާޒިމުކަމަށް އޮންނަ މަފްހޫމު ދޭހަކުރުމަށެވެ. ދުނިޔޭގެ ކޮމަން ލޯ ނިޒާމު އޮންނަ ޤައުމުތަކުގައިވެސް، މަތީ މަރުޙަލާ ކޯޓަކުން ނިންމާ ނިންމުމެއް ނުވަތަ ކަނޑައަޅާ އުޞޫލަކަށް ދަށު ކޯޓުން ޢަމަލު ކުރުން ލާޒިމުކަމަށް އޮންނަ އޮތުމަކީ މުޠުލަޤަށް، އެކަމާމެދު އިތުރު އެއްވެސް ސުވާލުކުރުމެއް، ނުވަތަ އަޅާ ކިޔުމެއް ނެތި، އޮންނަ އޮތުމެއް ނޫނެވެ.

އެގޮތުން، މަތީ މަރުޙަލާ ކޯޓަކުން ނިންމާ ނިންމުންތަކަށް ޢަމަލުކުރުން ލާޒިމުވާ ބައެއް ޙާލަތްތަކަކީ؛

ކޯޓުތަކުން ކަނޑައަޅާ އުޞޫލުތައް

ސާފު އުޞޫލެއް ކަނޑައެޅިފައި ނުވިނަމަވެސް، ނިންމުން ބިނާވި ސަބަބުތަކާ ޙަވާލާދީ، އެއްކަހަލަ މައްސަލަތަކުގައި އެއްގޮތަކަށް ޢަމަލުކުރުން

ކޯޓަކުން ކަނޑައަޅާ ޢާންމު އުޞޫލެއް ހުރިހާ ބާވަތެއްގެ މައްސަލަތަކަކަށްވެސް ތަޠުބީޤު (apply) ކުރެވިދާނެއެވެ. މިސާލަކަށް ވަކި ޤާނޫނެއްގެ ވަކި މާއްދާއެއް ތަޠުބީޤުކުރުމުގައި ރިޢާޔަތްކުރަންވީ ކަންކަން މަތީ މަރުޙަލާ ކޯޓަކުން ކަނޑައަޅާފައިވާނަމަ، މާނަކުރެވުނު މާއްދާ ތަޠުބީޤުކުރަންޖެހޭ ކޮންމެ ބާވަތެއްގެ މައްސަލައަކަށްވެސް އެ އުޞޫލު ހިނގާނެއެވެ. އެއާ ޚިލާފަށް، ސާފުކޮށް ވަކި އުޞޫލެއް މައްސަލައެއްގައި ކަނޑައަޅާފައި ނުވިނަމަވެސް، އެއްކަހަލަ މައްސަލަތަކެއްގައި އެއްގޮތަކަށް ޢަމަލުކުރުމުގެ މަފްހޫމްގެ ދަށުން، މަތީ މަރުޙަލާ ކޯޓަކުން ނިންމާ ނިންމުންތަކާ، ފަހުން ދަށު ކޯޓަކަށް ހުށަހެޅޭ މައްސަލައެއްގެ އެންމެ މުހިންމު ވާގިއާތައް (material facts) އެއްގޮތް ނަމަ، ކުރިން ނިންމި މައްސަލައާ އެއްގޮތަށް ފަހުން ހުށަހެޅޭ މައްސަލަ ނިންމަންވާނެއެވެ.

މަތީ މަރުޙަލާ ކޯޓަކުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން ޢަމަލުކުރުން ލާޒިމުވާކަމަށް އޮންނަ އޮތުމަކީ، މި މަފްހޫމްގެ މައްޗަށް ޢަމަލުކުރަމުން އަންނަ އިނގިރޭސި ވިލާތް ފަދަ ޤައުމުތަކުގައި، އެއްވެސް ހާލެއްގައި އިސްތިސްނާއެއް ނެތި އޮންނަ ކަމެއްނޫނެވެ.

އެގޮތުން، މަތީ ކޯޓަކުން ނިންމާފައިވާ ނިންމުމަކަށް ޢަމަލުކުރުމުގައި، މައްސަލައިގެ މުހިންމު ވާގިއާތައް ނުވަތަ މެޓީރިއަލް ފެކްޓްސް ތަފާތުކަމަށް ޤަބޫލުކުރެވޭނަމަ، ފަހުން ހުށަހެޅުނު މައްސަލައިގައިވަނީ ތަފާތު ޙާލަތެއްކަމަށް ބަޔާންކުރުމަށްފަހު (to distinguish)، ކުރިން މަތީ ކޯޓުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް ޢަމަލުނުކުރުމުގެ ފުރުޞަތު ދަށުކޯޓު ފަނޑިޔާރުންނަށް ލިބިދެވިގެންވެއެވެ.

ހަމަ މިމޭރުމުން، މަތީ މަރުޙަލާ ކޯޓަކުން ނިންމާފައިވާ ނިންމުމަކީ "ޕަރ އިންކިއުރިއަމް" (per incuriam) ނިންމުމެއްނަމަ، އެ ނިންމުމާ އެއްގޮތަށް ޢަމަލުކުރުން ދަށު ކޯޓުތަކަށް ލާޒިމުނުވެއެވެ. ޕަރ އިންކިއުރިއަމް މައްސަލަތަކަކީ، އެ މައްސަލަތަކުގައި އެދެވިގެންވާ މިންވަރަށް ކަމާގުޅޭ ޤާނޫނުތަކަށް ނުވަތަ ކޯޓުތަކުން ކަނޑައަޅާފައިވާ އުޞޫލުތަކަށް ރިޢާޔަތްކުރުމެއްނެތި ނިންމާ ނިންމުންތަކެވެ. ފަނޑިޔާރުންނަށްވެސް ތިބެނީ އިންސާނުންނެވެ. އަދި އެބައި މީހުންނަށްވެސް ނުބައި ނިޔަތެއް ނެތި، އެންމެ އެދެވިގެންވާ މިންވަރަށް ކަމާގުޅޭ ޤާނޫނުތަކަށް ރިޢާޔަތްނުކުރެވި، މައްސަލައެއް ނިންމުމުގެ އިޙްތިމާލު އޮވެދާނެއެވެ. ޕަރ އިންކިއުރިއަމް މަފްހޫމަށް ޢަމަލުކުރުމުގައި، މަތީ މަރުޙަލާ ކޯޓުތަކުގެ ފަނޑިޔާރުންނަށް ހެދޭ ގޯސްތައް، ދަށު މަރުޙަލާތަކުން ރަނގަޅުކުރުމުގެ ފުރުޞަތު ހުޅުވިގެންދެއެވެ. މަތީ މަރުޙަލާ ކޯޓެއްގެ ނިންމުމަކީ ޕަރ އިންކިއުރިއަމް ނިންމުމެއްނަމަ، ފަހުން ބަލާ މައްސަލައިގައި އެކަމެއް ސާފުކޮށް ބަޔާންކުރަންވާނެއެވެ.

ހަމަ އެގޮތަށް މަތީ މަރުޙަލާ ކޯޓަކުން ނިންމާ ކޮންމެ ނިންމުމެއްގައި ބަޔާންކުރެވިފައިވާ ހުރިހާ ކަންކަމަކީ މުޠުލަޤުކޮށް ދަށު ކޯޓުތަކުން ޢަމަލުކުރުން ލާޒިމު ކަންކަމެއް ނޫނެވެ. އެގޮތުން މައްސަލައެއްގެ ރޭޝިއޯ ޑެސިޑެންޑީ (ratio decidendi) އާއި އޮބިޓަރ ޑިކްޓަމް (obiter dictum) ފަރަގުކުރުމަކީ މަތީ މަރުޙަލާ ކޯޓުތަކުން ކުރިން ނިންމާފައިވާ ގޮތަށް (judicial precedents) ތަބާވާ ގިނަ ޤައުމުތަކެއްގައި ޢަމަލުކުރަމުން އަންނަގޮތެކެވެ.

މައްސަލައެއްގެ ރޭޝިއޯ ޑެސިޑެންޑީކަމަށް ބުނަނީ ހުށަހެޅިފައިވާ މައްސަލައެއްގެ ނިންމުމަށް ވާސިލުވާ ސަބަބުތަކަށެވެ. އެއާ ޚިލާފަށް އޮބިޓަރ ޑިކްޓަމް ކަމަށް ބަލާނީ އެ މައްސަލައެއްގެ މައުޟޫޢުގެ ތެރެއިން ދެކެވޭ އެހެނިހެން ވާހަކަތައް، އަދި މައްސަލައިގައި ވާސިލުވެވޭ ނަތީޖާއަށް ސީދާ ގުޅުމެއް ނުވާ ކަންކަމަށެވެ. މައްސަލައެއްގެ ރޭޝިއޯއަކީ އެކަމެއްގެ މައްޗަށް ދަށު ކޯޓުތަކުން ޢަމަލުކުރުން ލާޒިމު ކަމެކެވެ. އޯބިޓަރ ނުކުތާތަކަކީ އެކަމެއްގެ މައްޗަށް ޢަމަލުކުރުން ލާޒިމު ނުވިނަމަވެސް، އެކަމަކާ އެއްގޮތަށް ޢަމަލުކުރުމަށް ބާރު އަޅާ (persuasive) ކަންކަމެވެ.

އިސްވެ ފާހަގަކުރެވުނު މަފްހޫމްތަކަކީ މި މައްސަލައިގައި "އިން އޮބިޓަރ" ފާޅުކުރާ ޚިޔާލުތަކަކަށް ވެދާނެއެވެ. އެހެންނަމަވެސް، ދިވެހިރާއްޖޭގައި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގެ ދަށުން މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށް ވުރެ ދަށު މަރުޙަލާތަކުން ތަބާވާންވާނެކަމަށް އޮންނަ އޮތުމަށް ޢަމަލުކުރުމުގައި، މިހާތަނަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ގެންގުޅެފައިވަނީ ތަންކޮޅެއް ހަރުކަށި މާނަކުރުމެކެވެ. މަތީ މަރުޙަލާ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަކީ އެކަތައިން ހަދާފައިވާ ނިންމުންތަކެއް ފަދައެވެ. ދިވެހިރާއްޖޭގެ ޢަމަލުކުރާ ޤާނޫނުތަކަށް ވުރެ ބާރުގަދަ، އަދި ހަމަ ބުއްދި އެކަމެއްގެ މައްޗަށް ނުހިނގާ ކަމަށް ދޭހަވާ މޭރުމުން، މަތީ މަރުޙަލާ ކޯޓުތަކުގެ ނިންމުންތަކަށް ތަބާވާތަން މަދުން ނަމަވެސް ފެނެއެވެ.

މަތީ މަރުޙަލާ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ތަބާވުމަކީ އެއްވެސް އިސްތިސްނާއެއް ނެތި އޮންނަ ކަމެއްކަމަށް ދޭހަވާ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ގަޒިއްޔާއިން މީގެ ކުރިން ނިންމާފައިވާކަން ފާހަގަކުރަމެވެ. އެގޮތުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/105 ގަޒިއްޔާއިން ބަލާފައިވަނީ ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންއަށް ރައްދުވާ ގޮތަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލައެކެވެ. މި މައްސަލައަށް ނެކްސްބިޒް ލިމިޓެޑްގެ ފަރާތުން ތަދައްޚުލުވެފައިވެއެވެ. މައްސަލަ ބެލުމުގެ ތެރެއިން ވަގުތީ އަމުރެއް ނެރެދިނުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަނުން ހައިކޯޓުގައި އެދުނެވެ. އަދި ހައިކޯޓުން ވަގުތީ އަމުރެއް ނެރެދިނުމުން، އެ އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ މައްސަލަ ބަލާފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ގަޒިއްޔާއިންނެވެ.

ސުޕްރީމް ކޯޓުން ވަގުތީ އަމުރުގެ މައްސަލަ ބެލުމުގެ ތެރެއިން، އެ މައްސަލައިގެ މައުޟޫޢުއަށް ގޮތެއް ކަނޑައެޅިއެވެ. އެއިރު އެ މައްސަލައިގެ އަސްލު މައުޟޫޢު ބަލަމުން ދިޔަ ހައިކޯޓުގެ ނަންބަރު 2012/HC-A/105 ގަޒިއްޔާގައި ޙުކުމްނުކުރެއެވެ. ސުޕްރީމް ކޯޓުން މައްސަލައިގެ މައުޟޫޢުއަށް ގޮތެއް ކަނޑައެޅިއިރު، ހައިކޯޓަށް އިސްތިއުނާފަށް ހުށަހަޅާފައި އޮތް މައްސަލައިގައި ހުށަހަޅާފައި ހުރި ބައެއް ޤާނޫނީ މާއްދާތަކަށް ރިޢާޔަތްކޮށްފައިނުވެއެވެ. ރިޢާޔަތްނުކުރެވި އޮތް ސަބަބެއްކަމަށް ބެލެވެނީ، ސުޕްރީމް ކޯޓުގައި އޮތީ ވަގުތީ އަމުރަކާ ގުޅޭ މައްސަލައަކަށްވުމެވެ. ހައިކޯޓުން މައްސަލަ ނިންމިއިރު، އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނުގެ ކަމާގުޅޭ ބައެއް މާއްދާތަކާ މެދު ސުޕްރީމް ކޯޓުން ގޮތެއް ކަނޑަނާޅާކަން ފާހަގަކުރުމުން، އެ މައްސަލަ އިސްތިއުނާފުކުރެވުމުން ސުޕްރީމް ކޯޓުން ބެލި ނެކްސްބިޒް ލިމިޓެޑް ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން ގަޒިއްޔާގެ އަޣުލަބިއްޔަތު ރައުޔުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ށ) ގައި، މިއީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށާއި، ހައިކޯޓު ގަޒިއްޔާގައި މިކަންކަން ފާހަގަކުރި ނުކުތާއަކީ "އޭގެ ޒާތުގައިވެސް ބާޠިލު ނުކުތާއެއް..." ކަމަށް ކަނޑައަޅާފައިވެއެވެ.

މި ނިންމުމުން ދޭހަވަނީ، ދުނިޔޭގެ އެހެން ކޮމަން ލޯ ޤައުމުތަކުގައި ޢަމަލުކުރާ ގޮތާ ޚިލާފަށް، ދިވެހިރާއްޖޭގައި މަތީ މަރުޙަލާ ކޯޓުތަކުގެ ނިންމުންތަކަށް ރިޢާޔަތްކުރަންޖެހޭކަމަށް އޮންނަ އޮތުމަކީ އެއްވެސް އިސްތިސްނާއެއް ނެތި އޮންނަ އޮތުމެއްކަމަށެވެ.

މި ބުނެވުނު ވިސްނުމަކީ އެންމެ ރަނގަޅު ވިސްނުމެއްކަމުގައި އަހުރެން ނުދެކެމެވެ. މިފަދަ ހަރުކަށި މާނަކުރުމަކުން ޤާނޫނު ކުރިއަރުވައި ތަރައްޤީކުރުމަށް ހުރަސްއެޅޭނެއެވެ. އިންސާފު ޤާއިމުކުރުމަށްވެސް ހުރަސްއެޅޭނެއެވެ. ދުނިޔޭގެ ކޮމަން ލޯ އެހެން ޤައުމުތަކުގައި ޢަމަލުކުރާ ފަދައިން، އިންސާފު ޤާއިމުކުރުމަށް އިސްކަންދީ، މަތީ މަރުޙަލާ ކޯޓުތަކުން ނިންމާ ނިންމުންތަކަށް ޢަމަލުކުރުން ލާޒިމުވާކަމަށް އޮންނަ އޮތުމަށް އިސްތިސްނާ ޙާލަތްތަކެއް ވާކަންވެސް ޤަބޫލުކުރަންޖެހެއެވެ.

(ށ) ރެސް ޖުޑިކާޓާ

ރެސް ޖުޑިކާޓާގެ މަބްދައުއަކީ ޝަރުޢީ ކޯޓެއްގައި ދެފަރާތު ދެމެދު ހިނގި މައްސަލައެއްގައި ފައިސަލާކުރަނިވި ނިހާއީ ޙުކުމެއް ކުރެވިފައިވަނިކޮށް، އަނެއްކާ ހަމަ އެ ދެ ފަރާތް ހިމެނޭ، ހަމަ އެ މައުޟޫޢުގެ މައްޗަށް އައު މައްސަލައެއް ހުށަހެޅުމުން، އެ މައްސަލަ އެއްވެސް ކޯޓަކުން ބެލުން މަނާ ކުރާ ގާއިދާއެވެ. ރެސް ޖުޑިކާޓާގެ މަބްދައު ތަޠުބީޤުކުރާގޮތުގެ ތަފްޞީލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ މައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުގައި ބަޔާންކޮށްފައިވެއެވެ. އެ ރައުޔުގައި ރެސް ޖުޑިކާޓާގެ މަބްދައު ބިނާވާ މައިގަނޑު އުޞޫލުތައް ބަޔާންކޮށްފައިވާއިރު، ކޯޓަކުން އެ މަބްދައުއަށް ބަރޯސާވާން ފުރިހަމަވާންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، ކުރިން ނިންމާފައިވާ މައްސަލައިގައި ހިމެނެނީ މިހާރު ހުށަހެޅިފައިވާ މައްސަލައިގައިވެސް ހިމެނޭ ޚަޞްމުންކަމާއި އަދި ކުރިން ނިންމި މައްސަލައިގެ މައުޟޫޢުއާއި މިހާރު ހުށަހެޅިފައިވާ މައްސަލައިގެ މައުޟޫޢުއަކީ އެއް މައުޟޫޢުއަކަށްވުން ހިމެނެއެވެ.

ހުށަހެޅިފައިވާ މައްސަލައަށް އުޞޫލުތައް ތަޠުބީޤުކުރުން

ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ އެ ކޯޓުން ބަލައިނުގަތުމަށް ނިންމި ސަބަބަކީ ސުޕްރީމް ކޯޓުގެ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގައި އިބްރާހީމް ޢަބްދުއްލަޠީފް ހުށަހަޅާފައިވާ ކަންކަމަށް ފައިޞަލާކޮށްފައިވާ ކަމަށް ބެލެވެން އޮންނާތީއާއި ސިވިލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް އެދި ހަރުދަނާ ޤާނޫނީ ނުކުތާއެއް ހުށަހަޅާފައިނުވާތީ ކަމަށްބުނެއެވެ.

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގައި އިބްރާހީމް ޢަބްދުއްލަޠީފް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ކަންކަމާމެދު ފައިޞަލާކުރަނިވި ޙުކުމެއްކޮށްފައިވޭތޯ އާއި އަދި އެ ޙުކުމުގެ ސަބަބުން އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން އިސްތިއުނާފުކުރި ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާގެ ޙުކުމް ތަންފީޒުކުރުމުގެ ގަޒިއްޔާ ބެލުން ޤާނޫނީ ގޮތުން މަނާވޭތޯ ބަލާއިރު، ރެސް ޖުޑިކާޓާގެ މަބްދައު މި ޙާލަތަކަށް ނުހިނގާނެއެވެ. ސަބަބަކީ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މައްސަލައެއްގައި ދަޢުވާ ނުކުރަން ނިންމި ނިންމުން ރިވިޔުކޮށްދިނުމަށް އެދި، ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި މައްސަލައެއް އެ ކޯޓުން ބަލައިނުގަތުމުން، ހައިކޯޓުގެ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅައިދިނުމަށް އެދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކަށްވުމެވެ. މި މައްސަލައިގެ މައުޟޫޢުއަކީ އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން އޯނަސް ޕްރައިވެޓް ލިމިޓެޑަށް ފައިސާ ދައްކަންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމެއް ނޫނެވެ. އަދި ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައިގެ ދަޢުވާ ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ. އިބްރާހީމް ޢަބްދުއްލަޠީފެއް ނޫނެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގެ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއާއި ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުށަހެޅި ސިވިލް ކޯޓުގެ ޙުކުމް ތަންފީޒުކުރުމުގެ ގަޒިއްޔާއަކީ މުޅިން ތަފާތު ދެ މައުޟޫޢުއެއްގެ، އަދި މުޅިން ތަފާތު ޚަޞްމުން ހިމެނޭ ދެ ގަޒިއްޔާއެއްކަމުން، ރެސް ޖުޑިކާޓާގެ މަބްދައު މި ގަޒިއްޔާތަކުގެ މައްޗަށް ނުހިނގާނެއެވެ.

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއިން އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތަކަށް ފައިޞަލާކުރަނިވި ޙުކުމެއްކޮށްފައިވޭތޯ ބަލާއިރު، އިބްރާހީމް ޢަބްދުއްލަޠީފް އޯނަސް ޕްރައިވެޓް ލިމިޓެޑަށް ދޫކޮށްފައިވާ ޗެކުތައް ބައުންސްވުމުގެ ކުށުގެ ޒިންމާއާއި ދަރަނީގެ ޒިންމާއިން އެ ޗެކުތައް ދޫކުރި ފަރާތް ޤާނޫނީ ހަމަތަކުގެ މަތިން ބަރީއަވެފައިވާކަމަށް ބެލެވޭނެ ސަބަބެއް ނެތްކަމަށް އެ މައްސަލައިގެ ޙުކުމުގައި ކަނޑައަޅާފައިވެއެވެ. އެހެންނަމަވެސް، މިއީ މުޅި މައްސަލައިގެ މައުޟޫޢުގެ ބޭރުން ކަނޑައަޅާފައިވާ ކަނޑައެޅުމެކެވެ. އެހެނީ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއަކީ އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނިންމުމެއް ރިވިޔުކޮށްދިނުމަށް އެދި ހުށަހެޅި ދުސްތޫރީ މައްސަލައެއް ހައިކޯޓުން ބަލައިނުގަތުމުގެ ސަބަބުން، ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ހައިކޯޓުން އެ ދުސްތޫރީ މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުން ބިނާވަނީ ޤާނޫނީ ގޮތުން ޞައްޙަ ސަބަބުތަކެއްގެ މައްޗަށްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ބަދަލުގައި، ސުޕްރީމް ކޯޓުން އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގައި ގޮތް ކަނޑައަޅާފައިވަނީ މުޅި މައްސަލައިގެ މައުޟޫޢުގެ ބޭރުންނެވެ. މުޅި މައްސަލައިގެ ޙަޤީޤީ ދަޢުވާއަށް ސުޕްރީމް ކޯޓުން އެއްވެސް ޖަވާބެއް ދީފައިނުވެއެވެ. އެހެންކަމުން، ޕްރޮސިކިއުޓަރ ޖެނެރަލްގެ ނިންމުމެއް ރިވިޔުކުރުމާބެހޭ ގޮތުން ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާފައި ހުރި ކަންތައްތަކުގެ އިތުރުން، ޕްރޮސިކިއުޓަރ ޖެނެރަލް ދަޢުވާ ނުކޮށްގެން އުޅޭ މައްސަލައިގައި ހިމެނޭ ފަރާތުގެ މައްޗަށް އިތުރު ޙުކުމެއް އައުމަކީ، ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކުގެ ބޭރުން ނިންމާފައިވާ ނިންމުންތަކެއްކަމުން، އެކަންކަމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގައި ކަނޑައަޅާފައިވާ ކަނޑައެޅުންތަކަކީ، އޭގެ ޒާތުގައި ޢަމަލުކުރުން ލާޒިމު ކަންކަން ކަމުގައި އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ.

އެހެންކަމުން، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއަކީ، އެ ގަޒިއްޔާ ބާޠިލުކަމަށް ކަނޑަނޭޅިނަމަވެސް، ޖުޑީޝަލް ޕްރެސިޑެންޓްއާއި ރެސް ޖުޑިކާޓާގެ އުޞޫލުތަކުގެ ދަށުން، އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ޢަމަލު ކުރުން ލާޒިމު ގަޒިއްޔާއެއް ނޫނެވެ. މީގެ އިތުރުން، އެ ގަޒިއްޔާގައި އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ކޮށްފައިވާ ޙުކުމް ޤާނޫނާ ޚިލާފުވާގޮތް ތިރީގައި ތަފްޞީލުކުރެވިފައިވާނެއެވެ.

އިސްލާމްދީނުގައި ޢަދުލުވެރިވުން

އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ނުކުރާ ދަޢުވާއަކަށް ސުޕްރީމް ކޯޓުން ޙުކުމެއް އައުމަކީ "ޝަރުޢީ ވިސްނުންތެރިކަމުން" އައިސްއޮތް ޙުކުމެއްކަމަށް އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނާ ބުނުމަށް ބަލާއިރު، އިސްލާމްދީނުގައި މީސްތަކުންގެ މެދުގައި ޢަދުލުވެރިކަން ޤާއިމުކުރުމަށް ނުހަނު ބޮޑު އަހައްމިއްޔަތުކަމެއް ދެއެވެ. އަދި އެކަން ކުރުމުގައި ވަކި އިޖުރާއަތުތަކަކަށް ފަނޑިޔާރުން ތަބައަވުން ލާޒިމުވެއެވެ.

ނިސާ ސޫރަތުގެ 58 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ؛

"ހަމަ ކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ. އަދި، މީސްތަކުންގެ މެދުގައި ތިޔަބައި މީހުން ޙުކުމް ކުރާނަމަ، ޢަދުލަށް ޙުކުމް ކުރުމަށްވެސް، އަމުރުކުރައްވަތެވެ. ހަމަކަށަވަރުން ﷲ އެކަމަކާމެދު، ތިޔަބައިމީހުންނަށް ވަޢުޡު އިއްވަވާކަމެއްގެ މޮޅުކަމާއެވެ! ހަމަކަށަވަރުން، ﷲ އީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކު ކަމުގައިވެއެވެ."

(إِنَّ اللَّهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ ۚ إِنَّ اللَّهَ نِعِمَّا يَعِظُكُم بِهِ ۗ إِنَّ اللَّهَ كَانَ سَمِيعًا بَصِيرً)

ޢަދުލުވެރިވުމުގެ މުހިންމުކަން ކީރިތި ޤުރުއާނުގެ އެތައް އާޔަތެއްގައި، އަދި ސަލާމާއި ޞަލަވާތް ލެއްވި މާތް ނަބިއްޔާ މުޙައްމަދުގެފާނުގެ ހަދީޘްފުޅުތަކުންވެސް އެނގެން އޮންނައިރު، މީހެއްގެ މައްޗަށް ޝަރީޢަތެއް ނުކޮށް ޙުކުމެއް ކުރެވިދާނެތޯ ބަލާއިރު، ޞާދު ސޫރަތުގެ 21 ވަނަ އާޔަތުން 24 ވަނަ އާޔަތާ ދެމެދު، އިސްލާމްދީނުގައި ދެފަރާތެއް ދެމެދު ޝަރީޢަތް ކުރާ ގޮތުގެ މިސާލު ނެގިދާނެއެވެ. ޙަވާލާދެވުނު އާޔަތްތަކުގެ މާނައަކީ؛

"(ދާއޫދުގެފާނު އަޅުކަން ކުރައްވަން އިންނަވާ) މިޙުރާބުގެ ފާރުމަތިންއެރި ޚަޞްމުންގެ ޚަބަރު ކަލޭގެފާނާ ހަމަޔަށް އައިސްފައިވޭތޯއެވެ؟ އެއުރެން، ދާއޫދުގެފާނު އިންނެވިތަނަށް ވަންހިނދު، އެކަލޭގެފާނު އެއުރެން ދެކެ ސިހިވަޑައިގެންނެވިއެވެ. އެއުރެން ދެންނެވޫއެވެ. ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ތިމަންމެންނީ ދެ ޚަޞްމުންނެވެ. ތިމަންމެންގެ އެކަކު އަނެކަކަށް އަނިޔާކޮށްފީމުއެވެ. ފަހެ، ކަލޭގެފާނު ޙައްޤުގޮތުގައި ތިމަންމެންގެ މެދުގައި ޙުކުމް ކޮށްދެއްވާށެވެ! އަދި ކަލޭގެފާނު ޢަދުލުން އެއްކިބާވެވަޑައިނުގަންނަވާށެވެ! އަދި ތިމަންމެންނަށް ސީދާވެގެންވާ ތެދުމަގަށް މަގު ދައްކަވާށެވެ! ހަމަކަށަވަރުން، މިއީ އަޅުގަނޑުގެ އަޚެކެވެ. އޭނާއަށް ނުވަދިހަނުވަ ބަކަރިވެއެވެ. އަދި އަޅުގަނޑަށްވަނީ އެންމެ ބަކަރިއެކެވެ. ފަހެ، އޭނާ ބުންޏެވެ. (އެ ބަކަރިވެސް ތިމަންނާއަށް ދީ) އެ ބަލަހައްޓާ މީހަކީ ތިމަންނާކަމުގައި ހަދާށެވެ! އަދި ވާހަކަ ދައްކައިގެން އޭނާ އަޅުގަނޑުގެ މައްޗަށް ގަދަވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާގެ ބަކަރި، އޭނާގެ ބަކަރިތަކުގެ ތެރެއަށް އިތުރުކުރުމަށް އެދުމުން، އޭނާ ތިބާޔަށް އަނިޔާކޮށްފިކަން ކަށަވަރެވެ. (މުދާ އެއްކޮށްލައިގެންއުޅޭ) ބައިވެރިންގެ ގިނަމީހުން، ހަމަކަށަވަރުން، އެއްބަޔަކު އަނެއްބަޔަކަށް އަނިޔާކުރެތެވެ. އީމާންވެ، ޞާލިޙު ޢަމަލުތައްކުޅަ މީހުން މެނުވީއެވެ. އެއުރެންނީ ވަރަށްމަދު ބަޔެކެވެ. އަދި ދާއޫދުގެފާނަށް ތިމަންރަސްކަލާނގެ އެކަލޭގެފާނު އިމްތިޙާނު ކުރެއްވީކަން އެނގިވަޑައިގެންފިއެވެ. ފަހެ، އެކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ފާފަފުއްސެވުންއެދި ދެންނެވިއެވެ. އަދި ސަޖިދައަށް ތިރިވެވަޑައިގެން ތައުބާވެވަޑައިގަތެވެ."

(وَهَلْ أَتَاكَ نَبَأُ الْخَصْمِ إِذْ تَسَوَّرُوا الْمِحْرَابَ. إِذْ دَخَلُوا عَلَىٰ دَاوُودَ فَفَزِعَ مِنْهُمْ ۖ قَالُوا لَا تَخَفْ ۖ خَصْمَانِ بَغَىٰ بَعْضُنَا عَلَىٰ بَعْضٍ فَاحْكُم بَيْنَنَا بِالْحَقِّ وَلَا تُشْطِطْ وَاهْدِنَا إِلَىٰ سَوَاءِ الصِّرَاطِ. إِنَّ هَٰذَا أَخِي لَهُ تِسْعٌ وَتِسْعُونَ نَعْجَةً وَلِيَ نَعْجَةٌ وَاحِدَةٌ فَقَالَ أَكْفِلْنِيهَا وَعَزَّنِي فِي الْخِطَابِ.  قَالَ لَقَدْ ظَلَمَكَ بِسُؤَالِ نَعْجَتِكَ إِلَىٰ نِعَاجِهِ ۖ وَإِنَّ كَثِيرًا مِّنَ الْخُلَطَاءِ لَيَبْغِي بَعْضُهُمْ عَلَىٰ بَعْضٍ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَقَلِيلٌ مَّا هُمْ ۗ وَظَنَّ دَاوُودُ أَنَّمَا فَتَنَّاهُ فَاسْتَغْفَرَ رَبَّهُ وَخَرَّ رَاكِعًا وَأَنَابَ)

މި އާޔަތްތަކުން ހާމަވެގެންދަނީ މައްސަލައެއްގައި ދެފަރާތުގެ މައްޗަށް ޙުކުމެއް ކުރުމުގެ ކުރިން، އެ މައްސަލައެއްގެ ދެފަރާތުން ދައްކަންހުރި ވާހަކަތައް އަޑުއެހުމުގެ މުހިންމުކަމެވެ. ދާއޫދުގެފާނު ޙުކުމް އިއްވެވީ މައްސަލައިގެ އެންމެ ފަރާތެއް ދެއްކި ވާހަކަތައް އަޑުއައްސަވާފައެވެ. އަދި ކަންތައް ކުރެއްވުނީ ރަނގަޅަކަށް ނޫންކަން ވިސްނިވަޑައިގެން ހިސާބުން ސަޖިދައަށް ތިރިވެވަޑައިގެން ތައުބާވެވަޑައިގަތެވެ.

ޢަލީ އިބްނު އަބޫ ޠާލިބުގެ އަރިހުން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގައިވެއެވެ. ސަލާމާއި ޞަލަވާތް ލެއްވި ރަސޫލާ ތިމަންކަލޭގެފާނު ޤާޟީކަމު، ޔަމަނަށް ފޮނުއްވިއިރު ތިމަން އެކަލޭގެފާނުގެ އަރިހުގައި ދެންނެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ތިމަންކަލޭގެފާނަކީ ޒުވާން އަދި ޤާޟީކަމުގެ ތަޖުރިބާނެތް މީހަކަށްވާއިރު ތިމަން ޤާޟީކަމުގައި ފޮނުވަނީ ތޯއެވެ؟ އެހިނދު ރަސޫލާ ޙަދީޘްކުރެއްވިއެވެ. މާތްﷲ ކަލޭގެފާނުގެ ހިތްޕުޅަށް މަގުދައްކަވާނެތެވެ. އަދި ކަލޭގެފާނުގެ ދޫފުޅު ތެދުކުރައްވާނެތެވެ. ދެ ޚަޞްމަކު ކަލޭގެފާނުގެ ކުރިފުޅުމައްޗަށް އަންނަހިނދު އޭގެ ތެރެއިން ފުރަތަމަ މީހާ ބުނިބަސް އަޑުއެއްސެވި ފަދައިން ދެވަނަ މީހާގެ ބަސް އިވިއްޖައުމަށް ދާންދެން ގޮތެއް ކަނޑަނާޅުއްވާށެވެ...."

އުމަރުގެފާނުގެ ޚަލީފާކަމުގެ ދުވަސްވަރު، އަބޫ މޫސަލް ޢަޝްޢަރީ އިރާޤުގެ ކޫފާގެ ޤާޟީއަކަށް ހަމަޖެއްސެވިއެވެ. އަބޫ މޫސަލް ޢަޝްޢަރީ ޤާޟީކަމަށް ހަމަޖެއްސެވުމުގެ އެއް ދުވަސް ކުރިން، އުމަރުގެފާނު އަބޫ މޫސަލް ޢަޝްޢަރީއަށް ސިޓީފުޅެއް ފޮނުއްވިއެވެ. އެ ސިޓީފުޅުގައި މުސްލިމް ޤާޟީއެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް ބަޔާންކުރައްވާފައިވެއެވެ. އެކިކަންކަމާ ބެހޭ ގޮތުން ލިޔުއްވުމުގެ އިތުރުން، އުމަރުގެފާނު އެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވަނީ؛

"ކަލޭގެފާނުގެ ކުރިފުޅު މައްޗަށް ހުށަހެޅޭ ހުށަހެޅުންތަކާ މެދު ރަނގަޅަށް ފަހުމްވާވަރަށް ވިސްނަވާވަޑައިގަންނަވަން މަސައްކަތް ކުރައްވާށެވެ. ޞައްޙަނޫން ޙުއްޖަތެއްގެ މައްޗަށް ބުރަވެވަޑައިގަތުމަކީ ބޭނުމެއްނެތް ބޭކާރުކަމަކަށްވާތީއެވެ. މަޙްކަމާގައި (ކޯޓުގައި) ކަލޭގެފާނުގެ ކުރިފުޅުމައްޗަށް ހާޒިރުކުރެވޭ އެންމެންނަކީ ކަލޭގެފާނުގެ ސަމާލުކަން އެބައެއްގެ މައްޗަށް ލިބިދެއްވުމުގައި ހަމަހަމަ ބައެއްކަމުގައި ދެކިވަޑައިގަންނަވާށެވެ. އޭގެ ސަބަބުން ދަރަޖައިގެ ގޮތުން މަތީ މީހުން ކަލޭގެފާނު އެބައިމީހުންނަށް ޢިނާޔަތްތެރިވެ ވަޑައިގަންނަވަން އުއްމީދެއް ނުކުރާނެއެވެ. އަދި އޭރުން ދެރަ ނިކަމެތިން ކަލޭގެފާނުގެ ފަރާތްޕުޅުން ނާއިންސާފާ ކުރިމަތިވެދާނެ ކަމާމެދު މާޔޫސްނުވާ ހުއްޓެވެ. ހެކި ޤާއިމްކުރުން ވަނީ ދަޢުވާކުރާ ފަރާތުގެ މައްޗަށެވެ. ހުވާކުރުން ވަނީ ދަޢުވާލިބޭ ފަރާތުގެ މައްޗަށެވެ. މުސްލިމުންގެ މެދުގައި ޞުލްޙަވެ އެއްބަސްވުން ހުއްދަވެގެންވެއެވެ. އެހެންނަމަވެސް ޙަރާމްކަމެއް ޙަލާލުކަމަކަށް އަދި ޙަލާލްކަމެއް ޙަރާމްކަމަކަށް ހެދުމުގެ މައްޗަށް އިއްތިފާޤުވެ އެއްބަސްވުމެއް ނުވެއެވެ.

ކަލޭގެފާނު އިއްޔެ ޙުކުމެއް ކުރައްވައި މިއަދު އަލުން ވިސްނައިވަޑައި ގަތުމުން ޞައްޙަ ރައުޔަކާ ހަމައަށް ވާޞިލުވެވިއްޖެނަމަ، ޙައްޤަށް ރުޖޫޢަވުމަށް ފަސްޖެހިވަޑައި ނުގަންނަވާށެވެ. އެހެނީ ޢަދުލު އިންސާފަކީ އަސާސެކެވެ. އަދި ގޯހެއް ހެދުމުގައި ދެމިހުރުމަށްވުރެ އެ ގޯހަކާ ދުރަށް ޖެހިލުން (ނުވަތަ މަނާވެގަތުން) އަޢުލާކަން ބޮޑުވެގެންވެއެވެ. މައްސަލައެއްގެ ޙައްލު ކީރިތި ޤުރުއާނާއި ރަސޫލާގެ ސުންނަތުން ފެނިވަޑައިނުގެންފި ނަމަ، ކަލޭގެފާނުގެ އަމިއްލަފުޅު ފަރުދީ ޙުކުމްފުޅެއް އެކަމުގައި ޤާއިމްކުރައްވާށެވެ. ކަމެއްގައި ހުރި އެއްގޮތްކަން ވަޒަންކޮށް ދެނެގަންނާށެވެ. (މިތަނުގައި އަބޫ މޫސާގެ ކިބައިން އެދިވަޑައިގަތީ ޤިޔާސްއާއި އިޖްތިހާދުގެ ބޭނުން ހިއްޕަވައި ބުއްދީގެ ހަމަތަކުން އެކަލޭގެފާނުގެ އަމިއްލަފުޅު ފަރުދީ ޙުކުމެއް ނެރުއްވުމަށެވެ.) މީހަކު ދަޢުވާއަކައިގެން އައިސް އެދަޢުވާ އޭނާއަށް ސާބިތުކޮށްދެވުނަސް އަދި ސާބިތުކޮށް ނުދެވުނުނަމަވެސް އޭނާއަށްޓަކައި މުހުލަތެއް ދެއްވާށެވެ. ކަލޭގެފާނު ކަނޑައެޅުއްވި މުހުލަތުގައި އޭނާ ހެކި ދައްކައިފިނަމަ އޭނާގެ ދަޢުވާ ކަލޭގެފާނު ބަލައިގަންނަވަން ޖެހިވަޑައިގަންނަވާނެއެވެ. އެހެންނޫންނަމަ، ކަލޭގެފާނު ތިވަނީ އޭނާ އާ ދެކޮޅުވެރިވެ އޭނާގެ މައްޗަށް ޙުކުމެއް ކުރެއްވުމުގެ ފުރިހަމަ ޙުއްރިއްޔަތު (މިނިވަން ކަމު) ގައެވެ. އުފެދިފައިވާ ޝައްކު ނެތިކޮށްލައި މަނާވެގަންނަން އެންމެ ރަނގަޅު ގޮތަކީ އެއީއެވެ. އިސްލާމީ ޝަރީޢަތުގައި ކަނޑައެޅިފައިވާ ހައްދުގެ އަދަބެއް (ކުރިން) ލިބިފައިވާ މީހުންނާއި ދޮގު ހެކިބަސް ދިންކަން ސާބިތުވެފައިވާ މީހުންނާއި، ކޮންމެވެސް މިންވަރަކަށް ކުށްކުރިކަމަށް ޝައްކުވިނަމަވެސް ހުވާކުރުމުގެ ސަބަބުން ﷲ ސުބްޙާނަހޫ ވަތަޢާލާ މާފުދެއްވައި ލިބިފައިވާ ހެކީގެ ކުރިމަތީގައި އަދަބު ފަސްވެފައިވާމީހުން ފިޔަވައި، ކޮންމެ މުސްލިމަކަށްވެސް އެމީހުންގެ ތެރެއިން އެކަކު އަނެކަކާ ދެކޮޅަށް ހެކިބަސްދިނުން ޤަބޫލުވެވިގެންވެއެވެ. ޚަޞްމުންގެ ގާތުގައި ވަރުބަލިކަމާއި ވަރުދެރަކަމާއި ތަކްލީފުތަކުން ދުރުވެ ހުންނަވާށެވެ. ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ މައްޗަށް މާތްﷲ ކަލޭގެފާނަށް ގިނަގުނަ ދަރުމަޔާއި ޝަރަފުވެރިކަން ދެއްވާށިއެވެ---ވައްސަލާމް---"

މީގެ އެތައް ޤަރުނެއްކުރިން އުމަރުގެފާނު ދެއްވި މި ނަސޭހަތްޕުޅުގައި ހިމެނިފައިވާ ޝަރީޢަތްކުރުމުގެ އަސާސީ އުޞޫލުތަކަކީ، މިއަދުގެ ދުނިޔޭގައިވެސް އެހާމެ މުހިންމު އުޞޫލުތަކެކެވެ. މި ސިޓީފުޅުގެ އެތައް ޤަރުނެއްފަހުން، އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤުވާމީ މުއާހަދާ (Universal Declaration of Human Rights) އަދި މިނޫންވެސް އެހެނިހެން ބައިނަލް އަޤުވާމީ މުޢާހަދާތަކުގައާއި، އެކި ޤައުމުތަކުގެ ޤާނޫނުއަސާސީގައާއި، ކޯޓުތަކުގައާއި، ބައިނަލްއަޤުވާމީ ޖަމިއްޔާ ނުވަތަ ޖަމާޢަތްތަކުން މައްސަލަ ބެލުމުގައި ގެންގުޅޭ އެންމެ އަސާސީ އުޞޫލުތަކުގައި، ވަކި ފަރާތަކަށް ނުޖެހި މައްސަލަ ބެލުމާއި، ދެ ފަރާތުން ދައްކާ ވާހަކަތައް އަޑުއެހުމާއި، އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި މައްސަލަތައް ނިންމުންފަދަ ކަންކަން ހިމެނިފައިވެއެވެ. އެހެންގޮތަކަށް ބުނާނަމަ، މުސްލިމުން ޝަރީޢަތްކުރުމުގައި ބަލަންޖެހޭ ޢާންމު އުޞޫލުކަމަށް ބަޔާންކުރައްވައި، އުމަރުގެފާނު ހާމަކުރައްވާފައިވަނީ، މި ޒަމާނުގެ ގޮތުން ބުނާނަމަ، ޕްރިންސިޕްލްސް އޮފް ނެޗުރަލް ޖަސްޓިސް (principles of natural justice) އަށެވެ.

އެހެންކަމުން، އިސްލާމްދީނުގައި ޢަދުލުވެރިވުމާ ގުޅޭ ކީރިތި ޤުރުއާންގެ އެތައް އާޔަތްތަކަކާއި ރަސޫލާގެ ހަދީޘްފުޅުތަކާއި އަދި ޞަޙާބީބޭކަލުންގެ މިސާލު ނަގާއިރު، ވަކި ފަރާތަކަށް ނުޖެހި، ދެފަރާތަށްވެސް ހަމަހަމަ ކަމާއެކު ފުރުޞަތުދީ، ދެފަރާތުން ދައްކާ ވާހަކަތައް އަޑުއެހުމަކީ، އިސްލާމްދީނުގައި ޢަދުލުވެރިވުމުގެ އެއް އަސާސްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. އެއްވެސް ފަރާތަކުން މައްސަލައެއް ހުށަނާޅަނީސް، ޤާޟީގެ އިސްނެގުމަކަށް، ޤާޟީ ދަންނަ މީހުންގެ މައްޗަށް، ޝަރީޢަތެއްނުކޮށް، އެ މީހުންގެ އެނގުމަކާ ނުލައި، ކުއްލި ގޮތަކަށް ޙުކުމްކުރުމަކީ، ހަމަ ޔަޤީނުންވެސް އިސްލާމްދީނުގައި ހުއްދަކަމެއް ނޫނެވެ. އެހެނީ، އެފަދަ ޢަމަލުތައްވާނީ ޤާޟީއަށް ލިބިފައިވާ ބާރެއް ނަހަމަ ގޮތުގައި ބޭނުންކޮށް، އަނިޔާވެރިވުން ކަމަށެވެ.

ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤު

ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމަށްޓަކައި މައްސަލަ ބަލާ ފަނޑިޔާރުން މައްސަލައިގެ ދެފަރާތުން ދައްކާ ވާހަކަތައް އަޑުއެހުމާއި، ވަކި ފަރާތަކަށް ނުޖެހި ޝަރީޢަތްކުރުމުގެ މުހިންމުކަން ކީރިތި ޤުރުއާންއާއި އިސްލާމީ ތާރީޚުގެ އެކި ހާދިސާތަކުން ސާފުކޮށް އެނގެން އޮންނައިރު، މި ޕްރިންސިޕްލްސް އޮފް ނެޗުރަލް ޖަސްޓިސްގެ މަފްހޫމް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮންނަނީ 42 ވަނަ މާއްދާގައެވެ. އެގޮތުން؛

ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތްކުރުން 42. (ހ) ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ.

(ށ) ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.

ބަޔާންވެދިޔަ ދެ އަކުރުން، ދިވެހިރާއްޖޭގައި ފަނޑިޔާރުން އިންސާފުން ޝަރީޢަތްކުރުމަށްޓަކައި ތަބާވާންޖެހޭ މައިގަނޑު އުޞޫލުތަކަކީ؛

(ހ) އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޝަރީޢަތް ބޭއްވުން

(ށ) ޢާންމުކޮށް ހުޅުވާލެވިގެން ޝަރީޢަތް ބޭއްވުން

(ނ) ޢަދުލުވެރިވުން

(ރ) ވަކި ފަރާތަކަށް ނުޖެހުން؛ އަދި

(ބ) ހާމަކަމާއެކު ޝަރީޢަތްކުރުން

މީހެއްގެ މައްޗަށް އިންސާފުން ޝަރީޢަތް ކުރެވުމަކީ އަސާސީ އިންސާނީ ޙައްޤެކެވެ. ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ބަޔާންކޮށްފައިވާ މި އުޞޫލުތަކަކީ، އިންސާފު ހޯދަން އަންނަ ފަރާތްތަކަށް ފަނޑިޔާރުން ޢަމަލު ކުރަނީ އިންސާފުންކަން ދޭހަކޮށްދިނުމަށް ފަނޑިޔާރު ތަބާވާންޖެހޭ އެންމެ އަސާސީ މިންގަޑެވެ.

ޢަދުލުވެރިކަމާއެކު ޝަރީޢަތް ކުރުމަކީ މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކަކަށް އެ މައްސަލައާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފުރުޞަތުދީ، އަދި އަނެއް ފަރާތުން ހުށަހަޅާ ކަންކަން ތައުނު ކުރުމަށް ފުރުޞަތުދިނުމާއެކު، މައްސަލައިގެ ހުރިހާ ފަރާތަކާމެދުވެސް ހަމަހަމަ ކަމާއެކު ޢަމަލުކުރުމެވެ. މި މަފްހޫމްގެ ދަށުން އެއްވެސް މީހެއްގެ މައްޗަށް ކޮށްފައިވާ ދަޢުވާއަކީ ކޮބައިކަން އެ މީހަކަށް ނާންގައި، އެ ދަޢުވާއަށް ޖަވާބުދާރީވާން ނުވަތަ ދިފާޢުވާން ފުރުޞަތު ދިނުމެއްނެތި، ފަނޑިޔާރަކަށް ޙުކުމެއް ނުކުރެވޭނެއެވެ. އަދި މައްސަލަބަލާ ފަނޑިޔާރަކީ އެ މައްސަލައާ ގުޅިގެން އެއްވެސް މަޞްލަހަތެއް، ނުވަތަ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކާ އެއްވެސް ގުޅުމެއް އޮތް މީހަކަށް ވެގެންނުވާނެއެވެ. މިއީ ޝަރީޢަތްކުރުމާ ބެހޭ އިޖުރާޢީ ޢަދުލުވެރިކަމެވެ.

އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ކުރެވުނީ ޢަދުލުވެރި ޝަރީޢަތެއް ނޫންކަން

ހުށަހެޅިފައިމިވާ މައްސަލައަށް ބަލާއިރު، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއަކީ އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ހުށަހެޅުނު ދަޢުވާއަކާ ގުޅޭ ގަޒިއްޔާއެއް ނޫނެވެ. އެހެންނަމަވެސް އިބްރާހީމް ޢަބްދުއްލަޠީފް ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް ހާޒިރުވުމަށް އެ ގަޒިއްޔާގައި އެންގުނެވެ. އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހަށް އޭނާގެ ޤާނޫނީ ވަކީލު ހާޒިރުވެ، މިއީ އިބްރާހީމް ޢަބްދުއްލަޠީފްއާ ގުޅޭ މައްސަލައެއް ނޫންކަން ތަކުރާރުކޮށް ފާހަގަކޮށްފައިވެއެވެ. އެހެންނަމަވެސް ސުޕްރީމް ކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުން އަންގާފައިވަނީ އިބްރާހީމް ޢަބްދުއްލަޠީފް ހާޒިރު ކުރެވުނީ މަޢުލޫމާތު ސާފުކުރަން ކަމަށާއި، އެގޮތުން އޭނާގެ ފަރާތުން ބުނެދޭންވީ އޭނާ ޗެކުތަކެއް ދޫކުރިކަން ނުވަތަ ނޫންކަމެވެ. އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް އެ ގަޒިއްޔާއިން ޙުކުމްކުރިއިރު، އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ޙުކުމެއް އަންނާނެކަމުގެ އިޝާރާތެއްވެސް ސުޕްރީމް ކޯޓުން ކޮށްފައިނުވެއެވެ.

މި ޢަމަލަކީ މިއީ އެއްވެސް ހާލެއްގައި "ޝަރުޢީ ވިސްނުމަކުން" ކޮށްފައިވާ ޢަމަލެއްނޫނެވެ. އެހެނީ، ހައިކޯޓުން ނިންމާފައިވާ އިޖުރާއީ ނިންމުމެއް ރިވިޔު ކުރުމުގެ ތެރޭގައި، ކަމާ ނުގުޅޭ މީހެއްގެ މައްޗަށް އިލްތިޒާމްތަކެއް އުފެދޭ މޭރުމުން ޙުކުމެއް ކުރުމަކީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުންވެސް އަދި އިސްލާމީ ޝަރީޢަތުގައިވެސް ކަނޑައެޅިފައިވާ ޢަދުލުވެރިވުމުގެ ހަމަތަކާ ޚިލާފަށްކޮށްފައިވާކަމެވެ. އިސްލާމް ދީނުގައިވެސް އަދި ދުނިޔޭގެ ތަހުޒީބީ ކޮންމެ މުޖްތަމަޢުއެއްގައިވެސް، މީހެއްގެ މައްޗަށް ކުރެވޭ ދަޢުވާއެއްގައި އެމީހަކު ޖަވާބުދާރީވާން ފުރުޞަތު ދިނުމަކީ ޝަރުޢީ ނިޒާމު ކަށަވަރުކޮށްދޭންޖެހޭ އަސާސީ ޙައްޤެކެވެ. އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއިން އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ޙުކުމެއް ކޮށްފައިވަނީ، އޭނާގެ މައްޗަށް ނުކުރާ ދަޢުވާއެއްގެ މައްޗަށެވެ.

އެ މައްސަލައިގައި ސުޕްރީމް ކޯޓުން ޙުކުމެއްކޮށް އޭގެ ދެ އަހަރު ފަހުން އެ ޙުކުމް ތަންފީޒުކުރުމަށް އަންގާ ސިޓީ ފޮނުވުމުން، ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ޙުކުމް ތަންފީޒު ކުރުމުގެ ގަޒިއްޔާގެ ތެރެއިން އެ މައްސަލަ ބެލުނެވެ. އަދި އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ދަރަންޏެއް ސާބިތުވޭތޯ ނުވަތަ ނޫންތޯ، އަދި ސާބިތުވާނަމަ ސާބިތުވާ މިންވަރު ފަދަ އެއްވެސް ކަމެއް އެއްވެސް ކޯޓަކުން މައުޟޫޢީ ގޮތުން ކަނޑައަޅާފައިނުވާއިރު، ސިވިލް ކޯޓުން ޙުކުމް ތަންފީޒުކުރި މައްސަލަ ނިންމުމުގައި ބަރޯސާ ވެފައިވަނީ ސުޕްރީމް ކޯޓުގެ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަންކަމުގެ މައްޗަށެވެ. ޙަވާލާދެވުނު ސިވިލް ކޯޓުގެ ގަޒިއްޔާ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅުމުން، ހައިކޯޓުންވެސް ނިންމާފައިވަނީ އެ މައްސަލައާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ގޮތް ކަނޑައަޅާފައިވާކަމަށެވެ. އަދި ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލައަކީ ސުޕްރީމް ކޯޓަށް ބަލައިގަންނަންޖެހޭ މައްސަލައެއް ނޫންކަމަށް ސުޕްރީމް ކޯޓުން ނިންމީ، އެއިރު ސުޕްރީމް ކޯޓުގައި ތިބި 5 ފަނޑިޔާރުންނެވެ. އޭގެ ތެރޭގައި އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ ބެލި 3 ފަނޑިޔާރުން ހިމެނެއެވެ. މައްސަލައިގައި އިތުރަށް ގޮތް ކިޔުމުގައި ތަހުޒީބީ މުޖްތަމަޢުތަކުން ޢަމަލުކުރަމުން ގެންދާ ތަނާޒުލުވުމުގެ މަފްހޫމެއް ނުހިނގައެވެ.

ދަރަންޏެއް ސާބިތުވެފައިވާކަމަށް ބުނެ ޙުކުމް ތަންފީޒު ކުރުމުގެ ގަޒިއްޔާ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ތިން މަރުޙަލާއިން ދެމެހެއްޓިއިރު، އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ޗެކު ބައުންސްވެގެން ފައިސާ ހޯދުމާގުޅޭ މަދަނީ އެއްވެސް ޝަރީޢަތެއް ހިނގާފައިނުވެއެވެ. މިއަދު އަހުރެން ލަދުވެތިކަމާއެކު ފާހަގަކުރަންޖެހެނީ، ދިވެހި ކޯޓުތަކުން ޚިޔާރުކުރީ ޤާނޫނުއަސާސީ އާއި އިސްލާމީ ޝަރީޢަތުގައިވާ ޕްރިންސިޕްލްސް އޮފް ނެޗުރަލް ޖަސްޓިސްގެ އަސާސީ އުޞޫލުތައް ތަޖާހުލްކޮށް (ignore) މުގުރާލުމަށެވެ. މި މައްސަލައިގައި މިއޮތީ މީހެއްގެ އަސާސީ ޙައްޤު ކަށަވަރުކޮށްދިނުމުގެ ބަދަލުގައި، ޝަރުޢީ ކޯޓުތަކުން އަސާސީ ޙައްޤެއް ނިގުޅައިގަނެފައެވެ.

މީހަކާ ނުގުޅޭ މައްސަލައެއްގައި، އެ މީހާއަށް ދިފާޢުވުމަށް ފުރުޞަތު ނުދީ، އަދި މައުޟޫޢީ ގޮތުން އެ މީހާ ހިމެނޭ މުޢާމަލާތުގެ މައްސަލަ އެއްވެސް ވަރަކަށް ނުބަލައި، ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމެއް ދަމަހައްޓާފައިވަނީ، އަދި އެ ޙުކުމަށް އެ މީހާ ތަބާވުން ލާޒިމުކަމަށް ނިންމާފައިވަނީ، ބުއްދި ސަލާމަތުންހުރި އެންމެ އާދައިގެ އިންސާނަކަށްވެސް، އިންސާފު ޤާއިމުކުރުމުގައި ގެންގުޅެންޖެހޭ ހަމަތައްކަމަށް ޤަބޫލުކުރެވޭނެ އެންމެ އަސާސީ މިންގަނޑަށްވުރެ ދަށް މިންގަނޑަކުންނެވެ.

ޙުކުމް ތަންފީޒުކުރުމަށް އަންގައި ސުޕްރީމް ކޯޓުން ފޮނުވި ސިޓީ

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގެ މަދަނީ ބައި ތަންފީޒު ކުރުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަޙުވީލުކުރިކަމަށް އަންގާފައިވާ ސިޓީއަކީ ޤާނޫނާ ޚިލާފަށް ފޮނުވާފައިވާ ސިޓީއެއްކަމަށް އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ބުނެފައިވެއެވެ. މީގެ ޖަވާބުގައި، އޯނަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ބުނެފައިވަނީ ޝަރުޢީ އެންމެ މަތީ މަރުޙަލާ ކޯޓުން ޙުކުމް ކުރުމުން ދެން ޙުކުމް ޤަބޫލުކުރަންޖެހޭ ކަމަށާއި، އެފަދަ މަރުޙަލާއަކުން ގޮތް ކަނޑައެޅުމުން، ދެން އިތުރު ޙުކުމެއް ހޯދަން ދާންޖެހޭނެ ތަނެއް ނުހުންނާނެކަމަށެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި ދިވެހިރާއްޖޭގެ ކޯޓުތައް ބަހާލެވިގެންވާ ގޮތާއި، އެ ކޯޓުތަކުގެ އިޚްތިޞާޞްއާއި އިޖުރާއަތުތައް ބަޔާންކުރެވިފައިވެއެވެ. ކޯޓުތަކަށް މައްސަލަ ހުށަހަޅާ ގޮތާ ގުޅޭ އިތުރު އިޖުރާއަތުތައް އެކި ކޯޓުތަކުގެ ގަވާއިދުތަކުގައި ބަޔާންކުރެވިފައިވެއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ސުޕްރީމް ކޯޓުގެ އިޚްތިޞާޞް ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ ޤާނޫނުގެ 12 ވަނަ މާއްދާގައި ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކޮށްފިނަމަ، އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ.

އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއަކީ ހައިކޯޓުން ދުސްތޫރީ މައްސަލައެއްކަމަށް ބުނާ މައްސަލަ ބަލައިނުގަތުމުން އެ ނިންމުން އިސްތިއުނާފުކުރި މައްސަލައެކެވެ. ހައިކޯޓުގައިވެސް މިފަދަ ނިންމުންތަކަކީ ޢާންމުގޮތެއްގައި އެކަމުގެ މަޞްލަހަތު ނެތްނަމަ، އަޑުއެހުންތައް ބޭއްވުމަކާ ނުލާ ނިންމާ ނިންމުންތަކެކެވެ.

މިއާ ޚިލާފަށް ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރާ ނަމަ، އެފަދަ ޙުކުމެއް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި އެ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ ކޯޓެއްގެ އިޚްތިޞާޞްއަކާ ޚިލާފުވުމުގެ މައްސަލައެއް ފިޔަވައި، ސުޕްރީމް ކޯޓަށް ހުށަހެޅޭ މައްސަލަތައް މައުޟޫޢީ ގޮތުން ބެލުމުގައި ޢަމަލުކުރާނެ ގޮތްތަކެވެ. އެގޮތުން އެ މައްސަލައަކީ ކަން ހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ މައްސަލައެއް ނަމަ، އެ މައްސަލައެއް ހައިކޯޓަށް ތަޙުވީލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ. އަދި އެގޮތަށް ތަޙުވީލުކުރާ މައްސަލައެއް ސުޕްރީމް ކޯޓުން ދެވަނަ ފަހަރަށް އިސްތިއުނާފުކުރެވި، އެ މައްސަލަ ބަލަން ޖެހިއްޖެނަމަ، އެފަދަ މައްސަލައެއް ހައިކޯޓަށް އިތުރު ތަޙުވީލު ކުރުމެއް ނެތި، ސުޕްރީމް ކޯޓުން ބަލަންވާނެކަމަށް ބަޔާންކުރެވިފައިވެއެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުން މައްސަލައެއް ތަޙުވީލުކުރާނަމަ، ތަޙުވީލު ކުރެވޭނީ ހަމައެކަނި ހައިކޯޓަށެވެ. އަދި ހައިކޯޓުން މައްސަލަތައް ދަށު ކޯޓަށް ތަޙުވީލުކުރެވިދާނެއެވެ. ހައިކޯޓުގެ އިޚްތިޞާޞްއަށް ރިޢާޔަތްކުރުމާއެކު، ބައެއް ޙާލަތްތަކުގައި މައްސަލައެއްގައި ކަންހިނގާފައިވާ ގޮތް ކަށަވަރު ކުރަން ސުޕްރީމް ކޯޓުން ކަނޑައަޅާނަމަ، އެފަދަ މައްސަލައެއްވެސް ތަޙުވީލުކުރެވޭނީ ހަމައެކަނި ހައިކޯޓަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ހައިކޯޓަކީ އިސްތިއުނާފީ ކޯޓަކަށް ވިނަމަވެސް، ސުޕީރިއަރ ކޯޓަކުން ކަށަވަރު ކުރަންޖެހޭ ކަންކަން ކަށަވަރުކުރަންވެސް، އެ މައްސަލައެއް ސުޕްރީމް ކޯޓުން ތަޙުވީލުކުރެވެނީ ހަމައެކަނި ހައިކޯޓަށެވެ. ނަތީޖާއަކީ ޓްރަޔަލް ކޯޓުން ބަލަންޖެހޭ މައްސަލަތައް ހައިކޯޓަށް ތަޙުވީލު ކުރެވިގެން ދިއުމުން، ހައިކޯޓު މަރުޙަލާގައި އެފަދަ މައްސަލަތައް ތާށިވެ ދިގުލައިގެން ދިއުމުގެ އިތުރުން، އެ މައްސަލަ އަލުން ބެލުމަށްޓަކައި ހައިކޯޓުން ދަށު ކޯޓަށް ތަޙުވީލު ކުރުމުގެ އިހުތިމާލު އޮތުމެވެ. މިއީ ޤާނޫނުގައި ހުރި އުނިކަމެއްކަން ފާހަގަކުރަމެވެ.

ބަޔާންވެދިޔަ މާއްދާތަކުން އެނގެނީ، މައްސަލައެއް މައުޟޫޢީ ގޮތުން ބެލުމަށްޓަކައި ޙަޤީޤަތުގައި ޓްރަޔަލް ކޯޓުގެ އިޚްތިޞާޞް ހިނގާނެ މައްސަލަތައްވެސް ސީދާ ދަށު ކޯޓަށް ތަޙުވީލުކުރުމުގެ ބާރު ޤާނޫނުން ސުޕްރީމް ކޯޓަށް ނުދޭކަމެވެ. އަދި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގައި ބަޔާންކުރެވިފައިވަނީ ސުޕްރީމް ކޯޓުން މައުޟޫޢީ ގޮތުން މައްސަލަ ބެލުމުގައި ޢަމަލުކުރާނެ ގޮތް ކަމުގައިވާއިރު، އެ މާއްދާއިން ކޯޓެއްގެ އިޚްތިޞާޞްއާ ޚިލާފުވުމުގެ މައްސަލަތައް އިސްތިސްނާކޮށްފައިވާކަން ފާހަގަކުރެވެއެވެ. އެހެނީ، ކޯޓެއްގެ އިޚްތިޞާޞް ނެތްކަމަށްބުނެ އެ ކޯޓަކުން ބަލައިނުގަންނަ މައްސަލައެއްގައި ޝަރީޢަތެއް ނުކުރާނެއެވެ. އެފަދަ ނިންމުންތައް ވާނީ ކޯޓުގެ އިޖުރާއީ ނިންމުންތަކަށެވެ. އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއަކީ ހައިކޯޓަށް އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ނެތްކަމަށް ބުނެ އެ ކޯޓުން ބަލައިނުގަތުމަށް ނިންމި ނިންމުން އިސްތިއުނާފުކުރި މައްސަލައެކެވެ. ހައިކޯޓުންވެސް ޝަރީޢަތެއް ނުހިންގާ މައްސަލައެއްގައި، ސުޕްރީމް ކޯޓު މަރުޙަލާގައި ޝަރީޢަތް ކުރުމަކީ އުޞޫލެއްގެ ގޮތުން، ދެކޮޅުޖެހޭ ކަމެއް ނޫނެވެ. އަދި މިއީ ޤާނޫނުގެ ރޫޙާ އެއްގޮތަށް ކުރެވޭކަމެއްކަމަށް ޤަބޫލެއްނުކުރެވެއެވެ.

މީގެ އިތުރުން، އިސްތިއުނާފީ ކޯޓަކުން ކުރާ ޙުކުމެއް ތަންފީޒުކުރަން މައްސަލައިގެ ޚަޞްމަކު އެދޭނަމަ، ދިވެހިރާއްޖޭގައި ޢަމަލުކުރަމުން އަންނަ އިޖުރާއަތަކީ، އެ ޙުކުމް ތަންފީޒުކުރަން އެދޭ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ސުޕްރީމް ކޯޓުން މައްސަލައެއް ތަޙުވީލުކުރަންޖެހޭ ޙާލަތެއް މެދުވެރިވެއްޖެނަމަ، އެ މައްސަލައަކީ ތަޙުވީލު ކުރަންޖެހޭ މައްސަލައެއްކަން ކަނޑައަޅާނީ އެ މައްސަލަ ބެލުމުގެ ތެރޭގައި އެ މައްސަލައެއްގެ ޙުކުމުގައެވެ. މައްސަލައިގެ އެއް ފަރާތުގެ ޙައްޤުގައި ޙުކުމް ތަންފީޒުކުރުމަށް އަންގައި ކޯޓުގެ މުވައްޒަފަކު ސިޓީ ފޮނުވައި، ސުޕްރީމް ކޯޓުން ޤާނޫނީ ވަކީލެއްގެ ދައުރު އަދާކޮށްދިނުމަކީ، ޤާނޫނު ދަންނަ އިޖުރާއަތެއް ނޫނެވެ. އަދި ޤާނޫނީ ބާރު ލިބިގެން ކޮށްފައިވާ ކަމެއްވެސް ނޫނެވެ.

އަދި އެފަދަ ސިޓީއެއް ފޮނުވި ނަމަވެސް، ސިވިލް ކޯޓުން އެފަދަ ސިޓީއަކާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުކުރާ ޤާނޫނީ ނައްޞެއްވެސް ނެތެވެ. ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ޤާނޫނުއަސާސީއާއި ޤާނޫނު މާނަކުރުމުގައި، އަދި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެ ފަހު ނިންމުންކަމަށް ބަޔާންކުރެވިފައިވެއެވެ. ހަމަ އެއާއެކު ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

ޤާނޫނާ އެއްގޮތަށް ކަންކުރުން 142.ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެކެވެ. ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީ އާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައި ނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތް ކުރަންވާނެއެވެ. ފަނޑިޔާރުންގެ މަސައްކަތުގައި ޤާނޫނުއަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމާންވާނީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ ތިބެއެވެ.

ފަނޑިޔާރުން ޢަމަލުކުރަންޖެހެނީ ޤާނޫނާ އެއްގޮތަށް ކަމުގައިވާއިރު، ޤާނޫނާ ޚިލާފަށް، ކޯޓުތަކުން މައްސަލަ ބެލުމުގެ މުޅި ނިޒާމާ ޚިލާފަށް، ސުޕްރީމް ކޯޓުން ކޮށްފައިވާ ޙުކުމަކަށް ދިރުން ގެނެސްދިނީ ސިވިލް ކޯޓުންނެވެ. އަދި ސިވިލް ކޯޓުގެ އެ ނިންމުން ދެމެހެއްޓީ ހައިކޯޓުންނެވެ. ސުޕްރީމް ކޯޓަކީ ފަހުބަސް ބުނާ ކޯޓެވެ. އެހެންނަމަވެސް އެ ފަހުބަސް ބުނެވެން އޮންނާނީ ޤާނޫނީ އިމުގެ ތެރެއިންނެވެ. ޤާނޫނު ހުއްދަކުރާ މިންވަރަށެވެ. އަމިއްލަ އިސްނެގުމަކަށް މައްސަލަތަކުގައި ކަމާ ނުގުޅޭ މީހުންގެ މައްޗަށް ސުޕްރީމް ކޯޓުން ގޮތް ކަނޑައެޅުން ޤާނޫނު ހުއްދަނުކުރެއެވެ. އަދި ހަމަޖެހިފައިވާ އިޖުރާއަތުތަކުގެ ބޭރުން ކުރާ މިފަދަ ޙުކުމްތައް ދަށު މަރުޙަލާތަކުން ދެމެހެއްޓުންވެސް ޤާނޫނު ހުއްދަ ނުކުރެއެވެ. އެހެނީ، ފަނޑިޔާރުންނަށް ޢަމަލުކުރުން ލާޒިމުވަނީ ޤާނޫނަށެވެ. ކޮންމެ ފަރާތަކުން އެންގިކަމުގައިވީނަމަވެސް، ޤާނޫނުގައި ގޮތް ކަނޑައެޅިފައި ހުންނަ ކަންތައްތަކާ ކަނޑައެޅިގެން ޚިލާފަށް ޢަމަލު ނުކުރެވޭނެއެވެ. އެގޮތުން ސުޕްރީމް ކޯޓުގެ މުވައްޒަފަކު ފޮނުވާ ސިޓީއެއްވެސް ޤާނޫނަށް ވުރެ އިސް ނުކުރެވޭނެއެވެ. އަދި އެއް ކޯޓެއްގެ މުވައްޒަފުން ނުވަތަ ފަނޑިޔާރުން އެހެން ކޯޓަކަށް ފޮނުވާ ސިޓީބިޓީއާ ޙަވާލާދީ، ފަނޑިޔާރުންގެ އިސްނެގުމަކަށް ތިންވަނަ ފަރާތެއްގެ ޙައްޤެއްވެސް ނިގުޅައިނުގަނެވޭނެއެވެ.

ބަލަމުންމިދާ މައްސަލައަށް ވާސިލުވި އިޖުރާއަތު

ހުށަހެޅިފައިމިވާ މައްސަލައަކީވެސް ފެށުނީއްސުރެ ނިޔަލަށް އިދިކީލަ އިޖުރާއަތްތަކެއްގެ ތެރެއިން "ވަގޮށް" ޖެހިފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އެންމެ ފުރަތަމަ އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާ ހުށަހެޅިއިރު، ހުށަހެޅީ ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާ ބާޠިލުކޮށްދިނުމަށް ކަމުގައިވާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 9 ވަނަ މާއްދާގައި ސުޕްރީމް ކޯޓުގެ އިޚްތިޞާޞް ބަޔާންކޮށްފައި އޮވެއެވެ. އެގޮތުން 9 ވަނަ މާއްދާގެ (ނ) ގެ ދަށުން، ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވޭނީ ހައިކޯޓުގެ ނިންމުމެކެވެ. ދަށު ކޯޓުން ނިންމާ ނިންމުންތައް ހައިކޯޓު މަރުޙަލާ ކަޑައްތުނުކޮށް، ސީދާ ސުޕްރީމް ކޯޓަށް ހުށަނޭޅޭނެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާ އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ހައިކޯޓަށް ހުށަހެޅިކަން ފާހަގަކުރަމެވެ. އަދި ހައިކޯޓުން އިސްތިއުނާފު ބަލައިނުގަތުމުން، ސުޕްރީމް ކޯޓަށްވެސް ހައިކޯޓުގެ ނިންމުން ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުންވެސް މައްސަލަ ބަލައިނުގަތުމަށް ނިންމި 5 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރުންނަކީ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) މައްސަލަ ނިންމި 3 ފަނޑިޔާރުންކަން ފާހަގަކުރެވެއެވެ.

އެއަށްފަހު، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ބަދަލުވި ފަހުން، 2019 ވަނަ އަހަރުގައި އިބްރާހީމް ޢަބްދުއްލަޠީފް އަލުން މި މައްސަލަ ހުށަހެޅީ ސުޕްރީމް ކޯޓުގެ ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ޝަކުވާއެއްގޮތަށެވެ. ބަލަމުން މިދާ މައްސަލައިގެ އެންމެ ފުރަތަމަ ބޭއްވުނު އަޑުއެހުމުގައި، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ ރިވިޔުކޮށްދިނުމަށް އެދި، ދަޢުވާ ފޯމު އިސްލާޙުކުރުމަށް ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުން އިބްރާހީމް ޢަބްދުއްލަޠީފަށް އަންގާފައިވެއެވެ. ހުށަހެޅިފައިވާ މައްސަލައަކީ ކޯޓުތަކުން އިސްވެހުރެ، މީހެއްގެ އަސާސީ ޙައްޤެއް ނިގުޅައިގަތުމުގެ ސަބަބުން ޙައްލުކުރަންޖެހޭ މައްސަލައެކެވެ. އެހެންނަމަވެސް، އެ ސަބަބަކީ މައްސަލަ ޙައްލުކުރުމަށްޓަކައި މައްސަލަ ބަލާ ފަނޑިޔާރުން އިސްވެ ތިބެ، މައްސަލަ ހުށަހެޅި ފަރާތަށް ދަޢުވާގެ ސިފަ ބަދަލުކުރަން އަންގައި، ޤާނޫނީ ލަފާދިނުމަށް އޮތް ހުއްޖަތެއް ނޫނެވެ.

ސުޕްރީމް ކޯޓުގެ އިސްނެގުމަކަށް އިބްރާހީމް ޢަބްދުއްލަޠީފަށް ދަޢުވާ ފޯމު ބަދަލުކުރަން އެންގުމުން، އިބްރާހީމް ޢަބްދުއްލަޠީފް މައްސަލަ ދެން ހުށަހެޅީ އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފޯމަކުންނެވެ. އަދި ސުޕްރީމް ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުން އެދުނު ފަދައިން، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ ރިވިޔުކޮށްދިނުމަށް އައު ފޯމުގައި އެދިފައިވެއެވެ. އެހެންނަމަވެސް، ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާ ބާޠިލުކުރުމަށް އެދިފައި އޮތް އޮތުން އިސްލާޙު ނުކުރާކަން ފާހަގަކުރަމެވެ. މި ދެ ގަޒިއްޔާ މިހާރު ސުޕްރީމް ކޯޓުން ބާޠިލުކުރާނަމަ، ނަތީޖާއަކަށް ވެގެންދާނީ، ހައިކޯޓު މަރުޙަލާ ކަޑައްތުނުކޮށް، ސީދާ ސުޕްރީމް ކޯޓުން ދަށު ކޯޓުތަކުގެ ނިންމުންތައް ބާޠިލުކުރުމެވެ. މިއީ، ކުރިންވެސް ފާހަގަކުރެވުނު ފަދައިން، ޤާނޫނު ދަންނަ އިޖުރާއަތެއް ނޫނެވެ.

މި މަރުޙަލާގައި، މި މައްސަލައަށް ޙައްލެއް ހޯދަ ދޭއިރު، ޤާނޫނު ދަންނަ އިޖުރާއަތްތަކެއްގެ ތެރެއިން އެކަން ކުރުން މުހިންމެވެ. ސަބަބަކީ، ޙައްލު ހޯދައި ދިނުމުގެ ނިޔަތުގައިވެސް، ޤާނޫނީ އިމުގެ ބޭރުން ހޯދައިދޭ ޙައްލުތައް ވެގެންދާނީ، މުސްތަޤުބަލުގައި ސުވާލުކުރެވި، އެކަމެއްގެ މައްޗަށް އެއްވެސް ޔަޤީންކަމެއް ނެތް ކަންކަމަށެވެ.

އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، އޭނާގެ މައިގަނޑު ޝަކުވާއަކީ އޭނާ ހިމެނިގެން ދިވެހިރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީޢަތެއް ނުކުރާ މައްސަލައެއްގައި، ސިވިލް ކޯޓުގައި ޙުކުމް ތަންފީޒުކުރުމުގެ ދެ ގަޒިއްޔާއެއް އޭނާގެ މައްޗަށް ހިންގާފައިވުމެވެ. އެތަނުން ފުރަތަމަ ނިންމި ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުން، ހައިކޯޓުންވެސް އަދި ސުޕްރީމް ކޯޓުންވެސް އެ މައްސަލަ ބަލައިގަނެފައިނުވެއެވެ. އަދި ފަހުން ނިންމި ސިވިލް ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާއަކީ ކުރިން ސިވިލް ކޯޓުން ނިންމި ގަޒިއްޔާގައިވާ ގޮތުގެ މަތިން ފައިސާ ނުދެއްކުމުން ކޯޓުގެ އިސްނެގުމަކަށް ހިންގި މައްސަލައެކެވެ.

މި މައްސަލައިގައި އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން އިސްވެ ބުނެވުނު ސިވިލް ކޯޓުގެ ދެ ގަޒިއްޔާ ބާޠިލުކޮށްދިނުމަށް އެދުނުކަމުގައިވީނަމަވެސް، ހައިކޯޓު މަރުޙަލާ ކަޑައްތުނުކޮށް ސީދާ ދަށު ކޯޓަކުން ނިންމާ ނިންމުންތަކާ މެދު ސުޕްރީމް ކޯޓަށް ގޮތެއް ކަނޑަނޭޅޭނެއެވެ. އަދި މި މައްސަލައިގެ 86 އަދި 87 ވަނަ ޕެރެގްރާފުގައި ތަފްޞީލުކުރެވިފައިވާ މާއްދާތަކާ ޙަވާލާދީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހައިކޯޓަށް ތަޙުވީލު ކުރެވޭ މައްސަލަތަކަކީ، ހައިކޯޓުގެ ނިންމުންތައް އިސްތިއުނާފުކުރެވޭ ޙާލަތްތަކުގައި ކަމުގައިވާއިރު، ހުށަހެޅިފައިމިވާ މައްސަލައަކީ ހައިކޯޓުގެ ނިންމުމެއް އިސްތިއުނާފުކުރަން ހުށަހަޅާފައިވާ މައްސަލައެއް ނޫންކަމުން، ސުޕްރީމް ކޯޓުން ހައިކޯޓަށް މައްސަލަ ތަޙުވީލުކުރުމުގެ ޢާންމު އިޖުރާއަތު މި މައްސަލައިގެ މައްޗަށް ތަޠުބީޤު ކުރެވިދާނެކަމަކަށް ނުފެނެއެވެ.

މައްސަލައަށް އޮތް ޙައްލު

ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާގެ ދަށުން އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ޙުކުމް ތަންފީޒުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދަށުން ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވުމުގެ ޙައްޤުން އިބްރާހީމް ޢަބްދުއްލަޠީފް މަޙުރޫމްކުރެވިގެންނެވެ. އިބްރާހީމް ޢަބްދުއްލަޠީފް އޯނަސް ޕްރައިވެޓް ލިމިޓެޑަށް ފައިސާތަކެއް ދައްކަން އޮތްނަމަ، އެކަމާބެހޭ ޝަރީޢަތެއް ނުކޮށެވެ.

ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާއާ މި ދެ ގަޒިއްޔާވެސް ބިނާވަނީ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގެ މައްޗަށެވެ. އިބްރާހީމް ޢަބްދުއްލަޠީފުގެ ފަރާތުން އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ މުރާޖައާކޮށްދިނުމަށް އެދިފައިވަނީ ސުޕްރީމް ކޯޓުން އެ އިޞްލާޙު ގެނެސް އަލުން މައްސަލަ ހުށަހަޅާ ފޯމެއް ހުށަހަޅަން އިބްރާހީމް ޢަބްދުއްލަޠީފަށް އެންގުމުންނެވެ.

މި މައްސަލައިގައި 60 ވަނަ ޕެރެގްރާފުން 65 ވަނަ ޕެރެގްރާފުގައި ފާހަގަކޮށްފައިވާ ފަދައިން، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާއަށް ޖުޑީޝަލް ޕްރެސިޑެންޓުގެ މައިގަނޑު މަފްހޫމްތަކާއި، ރެސް ޖުޑިކާޓާގެ މައިގަނޑު މަފްހޫމްތައް ތަޠުބީޤުކުރުމުން، އެ މައްސަލައަކީ އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ދަރަންޏެއް ސާބިތުވާ މޭރުމުން ކޮށްފައިވާ ޤާނޫނީ ގޮތުން ބަނދެވޭ ފައިޞަލާކުރަނިވި ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ޤާނޫނީ ހަމައެއް ނެތެވެ. އެހެންގޮތަކަށް ބުނާނަމަ، އެ މައްސަލައަކީ، އިބްރާހީމް ޢަބްދުއްލަޠީފްގެ ދަރަންޏެއް އޮތްކަމާމެދު އެ މައްސަލަ ބެލި ފަނޑިޔާރުން މުޅި މައްސަލައިގެ މައުޟޫޢުއިން ބޭރުން ފައުޅުކޮށްފައިވާ ޚިޔާލެކެވެ. އެ ނިންމުމުގެ މައްޗަށް ޤާނޫނީ ހަމަތަކުގެ މަތިން ޢަމަލުކުރުން ލާޒިމު ނިންމުމެއް ނޫނެވެ. އަދި ޢަމަލުކުރުމަށް ބާރު އަޅާނިންމުމެއްވެސް ނޫނެވެ. އެހެންކަމުން، އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާ މުރަޖައާކޮށް، ބާޠިލުކަމަށް ކަނޑަނޭޅި ކަމުގައިވީނަމަވެސް، މި ގަޒިއްޔާގައި ފާހަގަކޮށްފައިވާ ޤާނޫނީ ހަމަތަކުގެ މަތިން، އެ ނިންމުމުގެ (އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 2013) ސަބަބުން، އިބްރާހީމް ޢަބްދުއްލަޠީފް އޯނަސް ޕްރައިވެޓް ލިމިޓެޑަށް ފައިސާތަކެއް ދައްކަންޖެހޭނަމަ، އެކަމެއް ސާބިތުކުރުމަށްޓަކައި ކަމާބެހޭ ދަށު ކޯޓުގައި އެ މައުޟޫޢުއާމެދު ޝަރީޢަތްކުރުމުގެ އެއްވެސް ހުރަހެއްނެތެވެ.

ދެން އުފެދޭ ސުވާލަކީ ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާއާ މެދު ޢަމަލުކުރަންވީގޮތެވެ. މި ދެ ގަޒިއްޔާއަކީ އޯނަސް ޕްރައިވެޓް ލިމިޓެޑް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (2013) ގަޒިއްޔާގެ ސަބަބުން އުފަންވީ ދެ ގަޒިއްޔާއެވެ. އަދި މި ދެ ގަޒިއްޔާ ވުޖޫދުވެފައިވަނީ ބާޠިލު އިޖުރާއަތްތަކެއްގެ މައްޗަށް ބިނާވެގެން ކޮށްފައިވާ ޙުކުމެއްގެ ސަބަބުން ކަމުގައިވާތީ، އަދި އެ ދެ މައްސަލަ ގަޒިއްޔާކުރެވި ހިންގާފައިވަނީ ޤާނޫނީ ގޮތުން ސުވާލު އުފެދޭ އިޖުރާއަތުތަކެއްގެ ތެރެއިން ކަމުގައިވާތީ، ޤާނޫނީ އުޞޫލުތަކުގެ އަލީގައި މި ދެ ގަޒިއްޔާގެ ޤާނޫނީ ހައިސިއްޔަތެއް އޮތްކަމަކަށް ނުދެކެމެވެ.

މިއީ ފާޅުކަން ބޮޑު ގޮތެއްގައި ބޭއިންސާފުން، އަސާސީ ޙައްޤުތަކުން އިބްރާހީމް ޢަބްދުއްލަޠީފް މަޙްރޫމްކޮށް، ކޯޓުތަކުގެ އިސްނެގުމަކަށް ކޮށްފައިވާ ކަމެއްކަމުން، ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާއަކީ ބާޠިލުކުރަންޖެހޭ ދެ ގަޒިއްޔާއެވެ.

އެހެންނަމަވެސް މި ދެ މައްސަލައަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރުމަށް ހުށަހަޅާފައިވާ ދެ މައްސަލައެއް ނޫނެވެ. އަދި އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން އެންމެ ފުރަތަމަ ސުޕްރީމް ކޯޓަށް ހުށަހެޅި ބެލެނިވެރިކަމުގެ އިޚްތިޞާޞްގެ ދަށުން ހުށަހެޅި ޝަކުވާގެ ދަށުންވެސް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ސިވިލް ކޯޓުގެ ދެ ގަޒިއްޔާއަކީ ސީދާ ސުޕްރީމް ކޯޓަށް ބާޠިލުކަމަށް ކަނޑައެޅެން އޮތް ދެ ގަޒިއްޔާ ކަމުގައިނުވާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، މި ދެ ގަޒިއްޔާއަކީވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅިއްޖެނަމަ، އެ ކޯޓުން ބަލައިގަނެ، މި ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، ޙުކުމެއް ކުރަންޖެހޭ ދެ މައްސަލައެވެ.

އަދި އޯނަސް ޕްރައިވެޓް ލިމިޓެޑަށް އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ފައިސާ ދައްކަން ހުރިނަމަ، ދިވެހިރާއްޖޭގައި މިފަދަ މައްސަލަތައް ބެލުމަށް ހަމަޖެހިފައިވާ ޤާނޫނީ އިޖުރާއަތުތަކުގެ ތެރެއިން، އެ މައްސަލައެއް ކަމާބެހޭ ކޯޓަށް އޯނަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅުމަށް މި ގަޒިއްޔާ ހުރަހެއްނާޅައެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުޢަދުލު އިންސާފު ޤާއިމުކުރެއްވުމުގެ ނަމުގައި، ޝަރުޢީ ނިޒާމުގެ ބޭރުން ސުޕްރީމް ކޯޓުގެ ކުރީގެ ބައެއް ފަނޑިޔާރުން ޝަރުޢީ ނިޒާމަށް އެއްވެސް ހުރުމަތެއް ނުބަހައްޓަވައި ކުރައްވާފައިވާ ޢަމަލުތަކަށް ލަދުވެތިވެހުރެ، މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ނިންމުން

އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާއަކީ މއ. އަތަމާގެ އިބްރާހީމް ޢަބްދުއްލަޠީފްގެ މައްޗަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ ޚިލާފަށް، އިންސާފުވެރި ޝަރީޢަތެއް ކުރުމެއް ނެތި، ޙުކުމް ތަންފީޒުކުރަންކަމަށް ބުނެ ޙުކުމްކޮށްފައިވާ ދެ މައްސަލަކަމުން، މި ދެ މައްސަލައަކީވެސް ބާޠިލުކުރަންޖެހޭ ދެ މައްސަލަކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންނަށް ފެނުނު ހިނދު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން ދަށު ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރެވޭނީ ހައިކޯޓަށްކަމުން، ޤާނޫނުގައި ބަޔާންކުރާ އިޖުރާއަތު ފުރިހަމަ ކުރުމަށްޓަކައި މިއަދު (15 ފެބްރުވަރީ 2021) އިން ފެށިގެން 10 (ދިހައެއް) ދުވަހުގެ ތެރޭގައި ސިވިލް ކޯޓުގެ ނަންބަރު 553/Cv-C/2015 ގަޒިއްޔާއާއި އެ ކޯޓުގެ ނަންބަރު 910/Cv-C/2015 ގަޒިއްޔާ އެއްކޮށް އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ހައިކޯޓަށް އިބްރާހީމް ޢަބްދުއްލަޠީފްގެ ފަރާތުން ހުށަހަޅައިފިނަމަ، މި ގަޒިއްޔާގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން، މި ދެ މައްސަލައިގައިވެސް ދިވެހިރާއްޖޭގެ ހައިކޯޓުން އެކަށީގެންވާ އަވަސް މުއްދަތެއްގެ ތެރޭގައި ގޮތެއް ކަނޑައެޅުމަށް އަންގައި، މި މައްސަލަ ނިންމީއެވެ.

މި ޤަޟިއްޔާ ބަލައި ނިންމީ:

ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ