ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2025] SC 24 · 2023/SC-A/37

ޕާރލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 5 ނޮވެމްބަރު 2025ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2021/HC-A/15
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
އެއް މައުޟޫޢެއްގައި ހަތަރު ފަހަރު ދަޢުވާ ހުށަހަޅައި، ދެ ފަހަރު ޙާޟިރުނުވެ ބާޠިލުވެ، ފަހުން އަނބުރާ ގެންދިޔަ ފަރާތަކަށް އެ ވާޤިޢާތަކުގެ މައްޗަށް އިތުރަށް ދަޢުވާ ނުކުރެވޭނެކަމަށް ހައިކޯޓުން ކަނޑައެޅުމަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހުއްޓުވުމުގެ ގޮތުން ޤާނޫނާ އެއްގޮތަށް ކުރެވުނު ކަމެއްތޯ، ނުވަތަ ޤާނޫނުއަސާސީގެ 42 (ހ) އާއި 16 ވަނަ މާއްދާއާއި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއިން ލިބޭ ޙައްޤުތަކާ ޚިލާފުތޯ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

އިސްތިއުނާފު ބާޠިލް، ހައިކޯޓުގެ ޙުކުމް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން (abuse of process) އަކީ، ނިޒާމެއް ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު ޙާޞިލުނުވާ ގޮތަކަށް ނުވަތަ އާންމު ގޮތުން ބޭނުންކުރާ ގޮތް ނޫން ގޮތަކަށް ނުވަތަ އެކަށީގެން ނުވާ ގޮތަކަށް ބޭނުންކުރުމަށް ޙަވާލާދޭ އުސޫލެކެވެ؛ މިއީ އެއް މައުޟޫޢަކާ ގުޅިގެން އެކި ދަޢުވާތައް އުފުލައިގެން ފަރާތްތަކަށް ނިމުމެއްނެތި ވަގުތު ހޭދަވުން ހުއްޓުވުމަށާއި، ޢަދުލު އިންޞާފުގެ ނިޒާމު އެކަށޭނަ އަވަސްމިނެއްގައި ހިންގުމަށާއި، ޤާނޫނީ ޔަޤީންކަމާއި ޤާނޫނުގެ ވެރިކަމަށްޓަކައި ޢާންމު މަޞްލަޙަތުގައި ބޭނުންކުރެވޭ ޢާންމު އުސޫލެކެވެ.

HN2 ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުމަށް ހަނި މާނައެއް ނުދެވޭނެއެވެ؛ މަދަނީ އިޖުރާއަތުގެ ޤާނޫނުގައިވާ ޙާލަތްތަކަކީ ނިމެނިވި ލިސްޓެއް ނޫނެވެ؛ ކޯޓުގެ ގަވާއިދަކާ ޚިލާފުވުން ކޮންމެހެން ނުޖެހެއެވެ.

ޕެރ. 24، 32 – އަޙްމަދު އަމީން [2022] SC 33 ތަކުރާރުކޮށްމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

HN3 މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ މައްސަލައެއްގައި، އެ ޤާނޫނުގައި ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުމާ ބެހޭ ގޮތް ތަޠުބީޤު ނުކުރެވޭނެއެވެ؛ އެފަދަ މައްސަލައެއްގައި އަޙްމަދު އަމީން [2022] SC 33 ގެ ޓެސްޓް ތަޠުބީޤުކުރަންވާނެއެވެ: (ހ) ޚަޞްމުގެ ޢަމަލަކީ ނިޒާމުގެ ނަހަމަ ބޭނުމެއްތޯ، އަދި (ށ) އެހެން ނަމަ އެކަށީގެންވާ ފިޔަވަޅަކީ ކޮބާ.

HN4 ދަޢުވާކުރާ ފަރާތުން އަމިއްލައަށް ދަޢުވާ ދިގު މުއްދަތަކަށް ކުރިއަށް ނުގެންދާ ފަހުން ކުރިއަށް ގެންދަން ޤަޞްދުކުރުމަކީ ނަހަމަ ބޭނުމެއް ކަމުގައި ބެލެވިދާނެއެވެ؛ އެކަން ކަނޑައަޅަން (ހ) މަޑުޖެއްސި ސަބަބު، (ށ) އޭގެ ހަރުދަނާކަން، (ނ) މުއްދަތު ބަލަންޖެހެއެވެ؛ ދަޢުވާ ރައްދުވާ ފަރާތުގެ ރުހުން ނުވަތަ ކޯޓުގެ ހުއްދަ ނެތި މަޑުޖެއްސުމަކީ އޮޓޮމެޓިކުން ނަހަމަ ބޭނުމެކެވެ؛ މައްސަލަ ނުނިންމާ ބޭއްވުމާއި ދިގުދެމުން މަޤްޞަދުކަމުގައި ބެލެވޭނަމަވެސް ނަހަމަ ބޭނުމެކެވެ. ގްރޮވިޓް ވ. ޑޮކްޓަރ ފަދަ އިނގިރޭސި މައްސަލަތަކުގެ މިންގަނޑު ރާއްޖޭގައި ބޭނުންކުރެވިދާނެއެވެ.

HN5 އެއް މައުޟޫޢެއްގައި ހަތަރު އަހަރުގެ ތެރޭގައި ހަތަރު ފަހަރު ދަޢުވާ ހުށަހަޅައި، ދެ ފަހަރު ޙާޟިރުނުވެ ބާޠިލުވެ، ހުރިހާ ވާރިޘުން ހިމަނަން ކޯޓުން ކަނޑައެޅި ގޮތާ ޚިލާފަށް އަލުން ހުށަހަޅައި، ދެން އިޞްލާޙުކުރަން އަނބުރާ ގެންދިއުމަކީ، ވަކިވަކިން ކޯޓުގެ ގަވާއިދާ ޚިލާފު ނުވި ނަމަވެސް، ޤަޞްދުގައި ނުވަތަ ފަރުވާކުޑަކަމުން ވަގުތު ބޭކާރުކޮށް ދަޢުވާ ރައްދުވާ ފަރާތަށް އުނދަގޫކުރުމުގެ ޢަމަލެއް ކަމުން ނިޒާމުގެ ނަހަމަ ބޭނުމެކެވެ.

HN6 ކޯޓަށް ދިއުމާއި ޢަދުލުވެރި ޝަރީޢަތަކީ ޙައްޤެއް ނަމަވެސް، އެއީ ބޭނުންވާ ގޮތަކަށް ޝަރީޢަތުގެ ނިޒާމު ބޭނުންކުރުމުގެ މުޠުލަޤު އިޚްތިޔާރެއް ނޫނެވެ؛ ނިޒާމުގެ ނަހަމަ ބޭނުން ހުއްޓުވުމަކީ ޢަދުލުވެރި ޝަރީޢަތުގެ ބައެކެވެ؛ އެހެންކަމުން ނަހަމަ ބޭނުން ސާބިތުވުމުން އެ މައުޟޫޢުގައި އިތުރު ދަޢުވާ މަނާކުރުމަކީ ޤާނޫނުއަސާސީގެ 42 (ހ) ގެ ޙައްޤުން މަޙްރޫމުކުރުމެއް ނޫނެވެ.

HN7 ކަޕޫރުﷲ ޔޫސުފް [2021] SC 75 ގެ އުސޫލުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރާ ޤާނޫނީ ބަހުސަކީ ދަށު މަރުޙަލާތަކުގައި ހުށަހެޅިފައިވާ ބަހުސަކަށް ވާންޖެހެއެވެ؛ ނަމަވެސް ދަށުކޯޓުގައި ދަޢުވާ ބިނާކުރި ބިނާއެއް (ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ) ހައިކޯޓުގައި ބަހުސް ނުކުރި ކަމުން އައު ނުކުތާއަކަށް ނުވެއެވެ.

HN8 މުޢާމަލާތެއްގެ ތެރެއިން އުފެދޭ ޙައްޤަކީ އޭގެ ޒާތުގައި ނެތިދާ އެއްޗެއް ނޫން ނަމަވެސް ([2021] SC 111)، އެއީ އެ މުޢާމަލާތުގެ ބާވަތާއި އެކި ޤާނޫނީ އުސޫލުތައް ހިނގާ ޙައްޤެކެވެ؛ ޚިލާފުވުމުގެ ބަދަލު ލިބެނީ ޚިލާފުވިކަން ކަނޑައެޅުމަށްފަހުގައެވެ؛ ޙައްޤު ހޯދުމުގެ މަސައްކަތުގައި ނިޒާމުގެ ނަހަމަ ބޭނުން ހިފައިފިނަމަ، އެ ޙައްޤު ތަންފީޒުކުރުމަށް ހުރަސް އެޅިދާނެއެވެ.

HN9 ފަނޑިޔާރުން ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ (ޤާނޫނުއަސާސީގެ 142، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ)؛ ނަމަވެސް ކޯޓުތަކުގެ ޤާނޫނުގެ 22، 48 އަދި 33 ވަނަ މާއްދާތަކުން ލިބޭ ބާރުގެ މައްޗަށް ނިޒާމުގެ ނަހަމަ ބޭނުން ހުއްޓުވަން ނިންމި ނިންމުމަކީ ޤާނޫނީ ނައްޞަކަށް ޙަވާލާނުދީ ނިންމި ނިންމުމެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު · ތާއީދުކުރެއްވީ: ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު

ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/15 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ޕާރލް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޕާރލް ކޮންސްޓްރަކްޝަން") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުގެ ނަންބަރު 2023/SC-A/37 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ […] ކ.މާލެ، މުޙައްމަދު ޢަޒުމީ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މުޙައްމަދު ޢަޒުމީ") ގެ މައްޗަށެވެ.

2މި މައްސަލައަށް ތަދައްޚުލުވުމަށް އެދި ސ. ހިތަދޫ، […] ޙައްވާ ޢަފީފާފު ހުށަހަޅާފައިވެއެވ. މި ހުށަހެޅުމަށް ބަލާއިރު، ޙައްވާ ޢަފީފާއަކީ އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ހުވަފަތް އަނބިމީހާ ކަމާއި، އަދި މި ފަރާތަކީ އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ވާރިސުންގެ ތެރޭގައި ހިމެނޭ ފަރާތަކަށްވާތީ، ސުޕްރީމް ކޯޓުގެ ޤަވާއިދުގެ 61 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތްކޮށް އެ ފަރާތަށް މި މައްސަލައިގައި ތަދައްޚުލުވުމުގެ ފުރުސަތު ދީފައިވެއެވެ.

ކަންހިނގާފައިވާ ގޮތް

3ހުޅުމާލެ ލޮޓް ނަންބަރު 10809 އަކީ އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ނަމުގައި ގަނެފައިވާ ގޯއްޗެކެވެ. ޕާރލް ކޮންސްޓްރަކްޝަންގެ 3 (ތިނެއް) ޑައިރެކްޓަރުން ކަމުގައިވާ އަލްމަރްޙޫމް މޫސާ ޢަލީދީދީ އާއި އިބްރާހީމްދީދީ އަދި އަޙްމަދު ފިޔާޒު ހުއްދަ ދީގެން ޕާރލް ކޮންސްޓްރަކްޝަންއިން ޚަރަދުކޮށްގެން އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ނަމުގައި ހުޅުމާލެ ލޮޓް ނަންބަރު 10809 ގަނެފައިވަނީ އެ ބިމުގައި ޕާރލް ކޮންސްޓްރަކްޝަންގެ ޚަރަދުގައި 4 (ހަތަރެއް) ބުރީގެ ޢިމާރާތެއް ކުރުމަށްފަހު، އެ ޢިމާރާތް ކުއްޔަށް ދީގެން ލިބޭ މަންފާއިން އެ ކުންފުނިން ކުރި ޚަރަދު ކުންފުންޏަށް ދައްކާ ޚަލާޞްކުރުމުން އެ ޢިމާރާތް އަލްމަރްޙޫމް މޫސާ ޢަލީދީދީއަށް މިލްކުވާ އުސޫލުން ކަމުގައި އެ ކުންފުނީގެ ފަރާތުން ބުނެއެވެ.

417 ޖަނަވަރީ 2012 ގައި އަލްމަރްޙޫމް މޫސާ ޢަލީދީދީ ނިޔައުވުމާ ގުޅިގެން ގޯތި ހަވާލުކުރެވުނު ފަރާތަކީ އެ މަރްޙޫމްގެ ފިރިހެން ދަރި މުޙައްމަދު ޢަޒުމީ (މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް) އެވެ. އޭގެފަހުން، 06 ޖަނަވަރީ 2013 ވަނަ ދުވަހު، ހުޅުމާލެ ލޮޓް ނަންބަރު 10809 ގައި ހަދާފައިވާ ޢިމާރާތް (މީގެ ފަހުން "ޢިމާރާތް") ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން މޯލްޑިވްސް އެއަރޕޯރޓްސް ކޮމްޕެނީ ލިމިޓެޑަށް ކުއްޔަށް ދީފައިވެއެވެ. މިފަދައިން ކުއްޔަށް ދީފައިވަނިކޮށް، މުޙައްމަދު ޢަޒުމީގެ ފަރާތުން ޢިމާރާތް ހުސްކުރުމަށް އަންގައި ޕާރލް ކޮންސްޓްރަކްޝަންގެ ކިބައިން އެ ޢިމާރާތް ވަކިކޮށްފައިވާ ކަމުގައި ޕާރލް ކޮންސްޓްރަކްޝަން އިން ބުނެއެވެ. سވިލް ކޯޓުގެ ނަންބަރު 1818/Cv-C/2016 ޤަޟިއްޔާ

5ޕާރލް ކޮންސްޓްރަކްޝަންއާއި މުޙައްމަދު ޢަޒުމީއާ ދެމެދު އުފެދުނު ޚިލާފާއި ގުޅިގެން، ޕާރލް ކޮންސްޓްރަކްޝަންގެ ޚަރަދުގައި ހުޅުމާލެ ލޮޓް ނަންބަރު 10809 ބިމުގައި 4 (ހަތަރެއް) ބުރީގެ ޢިމާރާތެއް އެޅުމަށްޓަކައި ކޮށްފައިވާ ޚަރަދު ޕާރލް ކޮންސްޓްރަކްޝަނަށް އަނބުރާ ހޯދުމަށް އަލްމަރްޙޫމް މޫސާ ޢަލީދީދީ އާ އެ ކުންފުންޏާމެދު ވެފައިވާ އެއްބަސްވުމާ އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ދަރި މުޙައްމަދު ޢަޒުމީ ޚިލާފުވުމުގެ ސަބަބުން ޕާރލް ކޮންސްޓްރަކްޝަނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، ބިމުގައި ޢިމާރާތް އެޅުމަށް ޚަރަދުކޮށްފައިވާ ފައިސާ އާއި ހުޅުމާލެ ލޮޓް ނަންބަރު 10809 ގަތުމަށް އެ ކުންފުނީގެ ފަރާތުން ޚަރަދުކޮށްފައިވާ ފައިސާ ހޯދުމަށް އެދި މުޙައްމަދު ޢަޒުމީގެ މައްޗަށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.

6ސިވިލް ކޯޓުގެ ނަންބަރު 1818/Cv-C/2016 ޤަޟިއްޔާއިން ބެލުނު މި މައްސަލައި (މީގެ ފަހުން "ފުރަތަމަ މައްސަލަ") ގެ ބަޔާންތައް ބަދަލުކޮށް ހެކިންގެ ލިސްޓްވެސް ހުށަހަޅާފައިވަނިކޮށް، ޚުލާޞާ ބަޔާން ހުށަހެޅުމަށް ތާވަލްކުރެވުނު އަޑުއެހުމަށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހާޒިރުނުވުމުގެ ސަބަބުން 27 މާރިޗް 2017 ގައި މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކޮށް، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވެއެވެ.

سވިލް ކޯޓުގެ ނަންބަރު 1364/Cv-C/2017 ޤަޟިއްޔާ

7ސިވިލް ކޯޓަށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި ފުރަތަމަ ޤަޟިއްޔާ ބާޠިލްކުރުމުން، 03 މެއި 2017 ގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ދެވަނަ ފަހަރަށް އެ ދަޢުވާ ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވ.

8ސިވިލް ކޯޓުގެ ނަންބަރު 1364/Cv-C/2017 ޤަޟިއްޔާގެ ގޮތުގައި ބެލުނު އެ މައްސަލަ (މީގެ ފަހުން "ދެވަނަ މައްސަލަ") ކުރިޔަށް ގެންގޮސްފައިވަނީ ޕާރލް ކޮންސްޓްރަކްޝަންގެ އެދުމުގެ މަތިން، ފުރަތަމަ މައްސަލަ ބާޠިލްކުރެވުނު ހިސާބުން ފެށިގެންނެވެ. ނަމަވެސް ޚުލާޞާ ބަޔާން ބަދަލުކުރުމަށް 13 ނޮވެންބަރު 2017 ގައި ތާވަލުކުރެވުނު އަޑުއެހުމަށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ޙާޟިރުވެފައިނުވާތީ މި ދެވަނަ މައްސަލައިގެ ދަޢުވާ ފޯމް ސިވިލް ކޯޓުން ބާޠިލްކުރިއެވެ.

ސިވިލް ކޯޓުގެ ނަންބަރު 464/Cv-C/2018 ގަޟިއްޔާ

9ސިވިލް ކޯޓުން ދެވަނަ މައްސަލައިގެ ދަޢުވާ ފޯމު ބާޠިލްކުރުމުން 30 ޖަނަވަރީ 2018 ގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ތިންވަނަ ފަހަރަށް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ކުރިއަށް ގެންދިޔަ އެ ކޯޓުގެ ނަންބަރު 464/Cv-C/2018 ގަޟިއްޔާ (މީގެ ފަހުން "ތިންވަނަ މައްސަލަ") ވެސް ކުރިއަށް ގެންގޮސްފައިވަނީ ފުރަތަމަ މައްސަލަ ބާތިލުކުރި ހިސާބުންނެވެ.

1021 އެޕްރީލް 2019 ގައި ސިވިލް ކޯޓުން ތިންވަނަ މައްސަލައަށް ކުރި ޙުކުމުގައި ކަނޑައަޅާފައިވަނީ، ޕާރލް ކޮންސްޓްރަކްޝަންއިން ހުށަހެޅި ދަޢުވާގައި ބަޔާންކޮށްފައިވާ އެއްބަސްވުމަކީ ޕާރލް ކޮންސްޓްރަކްޝަން އާއި އަލްމަރްޙޫމް މޫސާ ޢަލީދީދީއާ ދެމެދު ވެފައިވާ އެއްބަސްވުމެއް ކަމާމެދު ޝަރީޢަތުން ގޮތެއް ކަނޑައަޅައި ދެވޭނީ އަލްމަރުޙޫމް މޫސާ ޢަލީދީދީގެ ޙައްޤުގައި ބަސްބުނުމުގެ ޙައްޤު ލިބިގެންވާ އެ މަރްޙޫމްގެ ހުރިހާ ވާރިސުން ޝާމިލުވާ ގޮތަށް ހުށަހަޅާފައިވާ ދަޢުވާއެއްގެ ތެރެއިން ކަމަށްވާތީ، އެ ފުރުޞަތު ނުލިބޭގޮތަށް ޕާރލް ކޮންސްޓްރަކްޝަނުން ހުށަހަޅާފައިވާ އެ ދަޢުވާގައި ޝަރީޢަތަށް ގޮތެއް ކަނޑައަޅައިދެވެން ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 124/Cv-C-HD/2020 ގަޟިއްޔާ

1127 ފެބްރުވަރީ 2020 ގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓަށް ހަތަރު ވަނަ ފަހަރަށް މި މައްސަލަ ހުށަހެޅުމުން، ސިވިލް ކޯޓުގެ ނަންބަރު 124/Cv-C-HD/2020 ޤަޟިއްޔާ (މީގެ ފަހުން "ހަތަރުވަނަ މައްސަލަ") ބަލަންފެށިވެއެވެ.

12މި މައްސަލައިގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވަނީ އެ ކުންފުނިން ހުޅުމާލެ ލޮޓް ނަންބަރު 10809 ބިމުގައި 4 (ހަތަރެއް) ބުރީގެ ޢިމާރާތެއް އެޅުމަށްޓަކައި ކޮށްފައިވާ ޚަރަދު ޕާރލް ކޮންސްޓްރަކްޝަނަށް އަނބުރާ ހޯދުމަށް އަލްމަރްޙޫމް މޫސާ ޢަލީދީދީ އާ އެ ކުންފުންޏާ މެދު ވެފައިވާ އެއްބަސްވުމާ އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ދަރި މުޙައްމަދު ޢަޒުމީ ޚިލާފުވެފައިވާތީ، ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި މުޙައްމަދު ޢަޒުމީގެ ކިބައިން ޖުމްލަ 19,439,639.58ރ. (ނަވާރަމިލިއަން ހަތަރުލައްކަ ތިރީސްނުވަހާސް ހަސަތޭކަ ތިރީސްނުވަ ރުފިޔާ ފަންސާސް އަށްލާރި) ހޯދުމަށެވެ.

13މި ހަތަރުވަނަ މައްސަލަ ބަލަމުން ދަނިކޮށް، 19 އޮކްޓޫބަރު 2020 ގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓަށް ފޮނުވި ސިޓީއެއްގައި މުޙައްމަދު ޢަޒުމީގެ މައްޗަށް ދަޢުވާކޮށް ހުށަހަޅާފައިވާ މައްސަލަ އިޞްލާޙުކުރަންޖެހޭކަމަށް އެ ކުންފުންޏަށް ފާހަގަކުރެވޭތީ، އެ މައްސަލަ އިޞްލާޙުކުރުމަށްފަހު އަލުން ހުށަހެޅުމަށްޓަކައި އެ މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާ ކަމަށް ބަޔާންކޮށްފައިވެއެވެ. މި ސިޓީއާ ގުޅިގެން އިޞްލާޙު ކުރަން ބޭނުންވަނީ ކޮންކަމެއްކަން ލިޔުމުން ހުށަހެޅުމަށް ސިވިލް ކޯޓުން ޕާރލް ކޮންސްޓްރަކްޝަން އަށް އެންގުމާ ގުޅިގެން 09 ނޮވެންބަރު 2020 ގައި އެ ކުންފުނިން ފޮނުވި ސިޓީގައި ބުނެފައިވަނީ، މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތައް ބަދަލުކުރުމަށާއި މައްސަލައިގެ މައުޟޫޢަށް ބަދަލުތަކެއް ގެންނަން ބޭނުންވާތީ ސިވިލް ކޯޓުގެ ނަންބަރު 124/Cv-C-HD/2020 ޤަޟިއްޔާއިން ކޮށްފައިވާ ދަޢުވާ އެ ވަގުތަށް ކުރިއަށް ގެންދަން ބޭނުންނުވާކަމަށެވެ.

14އެހެންކަމުން، މި ހަތަރުވަނަ މައްސަލައިގެ ޙުކުމް ކޮށްފައިވަނީ، އެ މައްސަލައިގައި ދަޢުވާލިބޭ ފަރާތްތައް ބަދަލުކުރުމާއެކު ދަޢުވާގެ މައުޟޫޢަށް ބަދަލުގެނެސް އެ ގޮތުގެ މަތިން ދަޢުވާ އިޞްލާޙުކޮށް އަލުން ހުށަހަޅަން ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން އެދިފައިވާތީ، "ޝަރީޢަތް ކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6" ގެ 15 ވަނަ މާއްދާގެ 04 ވަނަ ނަންބަރާ ޙަވާލާދީ، ޕާރލް ކޮންސްޓްރަކްޝަން އެދިފައިވާ ފަދައިން ދަޢުވާ އިޞްލާޙުކޮށް ހުށަހެޅުމަށްޓަކައި އެ މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކުރާކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/15 ޤަސިއްޔާ

15ސިވިލް ކޯޓުގެ ނަންބަރު 124/Cv-C-HD/2020 ޤަޟިއްޔާ (ހަތަރުވަނަ މައްސަލަ) ގެ ދަޢުވާ ފޯމް ބާޠިލްކުރުމަށް ނިންމުމުން، އެ ނިންމުމަކީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ބުނެ، އެ މައްސަލަ މުޙައްމަދު ޢަޒުމީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުގެ ނަންބަރު 2021/HC-A/15 ޤަޟިއްޔާއިން ބެލި މައްސަލައިގައި ސިވިލް ކޯޓުގެ އެ ޙުކުމް ބާޠިލްކޮށް، މުޙައްމަދު ޢަޒުމީގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ވާޤިޢާތަކުގެ މައްޗަށް ބިނާކޮށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓަށް އެއްވެސް މައްސަލައެއް ހުށަނޭޅޭނެކަމަށް ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ.

16ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްގެންކަން އެ ޤަޟިއްޔާގެ ރިޕޯޓަށް ބެލުމުން އެނގެން އޮވެއެވެ.

16.1 ދެ ފަރާތެއްގެ މެދުގައި އުފެދޭ ޚުޞޫމާތަކާ ގުޅިގެން ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަށް މައްސަލަތައް ހުށަހެޅުމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއް ކަމުގައިވީނަމަވެސް، މި ޙައްޤު ބޭނުންކުރުމުގައި ތަބާވާންޖެހޭ އިޖުރާއަތުތަކާއި ހަމަތަކެއް ހުންނައިރު، މައްސަލަ ހުށަހަޅާފައިވަނީ އެ އިމުން ބޭރުން، ނަހަމަ ބޭނުމެއްގައިކަން އެނގޭ ސަބަބުތަކެއް ފާޅުކަން ބޮޑު ގޮތެއްގައި ހުރިނަމަ އެކަންކަން ހުއްޓުވުމަކީ ޢަދުލުއިންސާފު ޤާއިމުކުރުމުގެ ބާރު ލިބިފައިވާ ކޯޓުތަކާއި މަތިކުރެވިފައިވާ ޒިންމާއެއްކަން؛

16.2 އިސްތިއުނާފު މި ކުރެވޭ މައްސަލަ ދެ ފަހަރެއްގެ މަތިން ސިވިލް ކޯޓަށް ހުށަހެޅި ބާޠިލްކުރެވިފައިވާއިރު، ދެ ފަހަރުވެސް ބާޠިލްވެފައިވަނީ ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން މަޤުބޫލު އުޒުރެއް ދެއްކުމެއް ނެތި ކޯޓަށް ޙާޟިރުވެފައި ނުވާތީކަމާއި، މަޤުބޫލު ސަބަބެއް ނެތި ޝަރީޢަތަށް ޙާޟިރުނުވުމުގެ ސަބަބުން މައްސަލަ ބާޠިލް ކުރެވޭ ކުރުން ތަކުރާރުވަމުންދާނަމަ އެ ކަމަކީ ދަޢުވާ ލިބޭ ފަރާތަށް ޢަދުލުވެރި އަދި އިންސާފުވެރި ގޮތެއް ކަމުގައި ނުވާނެ ކަމާއި، މިފަދައިން މިކަން ތަކުރާރު ކުރާނަމަ، މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފި ކަމުގައި ކަނޑައެޅިދާނެ ސަބަބެއްކަން؛

16.3 ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ތިންވަނަ ފަހަރަށް ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން ސިވިލް ކޯޓުގެ ނަންބަރު 464/Cv-C/2018 ޤަޟިއްޔާއިން ޙުކުމްކޮށްފައިވާއިރު، އެ މައްސަލަ ހަތަރު ވަނަ ފަހަރަށް ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ ކުރިން ބުނެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާގައި (ތިންވަނަ މައްސަލައިގައި) ދީފައިވާ އިރުޝާދާ އެއްގޮތަށް ނޫންކަމާއި، އެކަން އެގޮތަށް ނުކޮށްވާ މަޤުބޫލު ސަބަބެއް ދަށުކޯޓުގައިވެސް އަދި ހައިކޯޓުގައިވެސް ޕާރލް ކޮންސްޓްރަކްޝަނަށް ބުނެދެވިފައިނުވާކަން؛ އަދި

16.4 ދަޢުވާ އިޞްލާޙުކުރަން ބޭނުންވާ ކަމަށް ބުނެ އެ މައްސަލަ އަނބުރާ ގެންދަން އެދި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓަށް ސިޓީ ފޮނުވުމާއި ގުޅިގެން، އެ މައްސަލަ އަނބުރާ ގެންދަން ހުއްދަ ދިނުމުގެ ސަބަބުން، ސިވިލް ކޯޓުގެ ހުޅުމާލެ ޑިވިޜަންގެ ނަންބަރު 07/Cv-C-HD/2021 ޤަޟިއްޔާއިން ބަލަމުންދަނީ ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން އެ މައުޟޫޢުގެ މައްޗަށް ހުށަހެޅި ފަސްވަނަ މައްސަލަކަން؛ މިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތައް

17ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/15 ޤަޟިއްޔާގެ ނިންމުން އިސްތިއުނާފު ކުރުމުގެ ގޮތުން ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 4 (ހަތަރެއް) ސަބަބެއް ހުށަހަޅާފައިވެއެވ.

18އެ އިސްތިއުނާފީ ނުކުތާތަކުގެ ތަފްސީލާއި ނުކުތާތަކުގެ ރައްދުގައި މުޙައްމަދު ޢަޒުމީގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށް ބަލައި، މިއިން ކޮންމެ އިސްތިއުނާފީ ނުކުތާއަކާ ގުޅޭ ގޮތުން އަހުރެން ދެކޭގޮތް ވަކިވަކިން ބަޔާންކުރާނަމެވެ.

ފުރަތަމަ އިސްތިއުނާފީ ނުކުތާ

19ޕާރލް ކޮންސްޓްރަކްޝަންއިން ހުށަހަޅާފައިވާ ދަޢުވާގެ ތެރޭގައި އެފަރާތުން ހޯދުމަށް އެދޭ ޙައްޤެއް އޮތްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އޮތްހިނދު، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން މުޙައްމަދު ޢަޒުމީގެ މައްޗަށް ހުށަހަޅާފައިވާ ދަޢުވާގެ ވާޤިޢާގެ މައްޗަށް ބިނާކޮށް އިތުރު ދަޢުވާއެއް ނުކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ޕާރލް ކޮންސްޓްރަކްޝަންގެ ޙައްޤަށް އުނިކަން ލިބޭގޮތަށް، އަދި މުޙައްމަދު ޢަޒުމީއަށް ނުޙައްޤު މުއްސަނދިކަމެއް ލިބޭގޮތަށް، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ކޮށްފައިވާ ޚަރަދު ހޯދުމުގެ މަގު ބަންދުވާ ގޮތަށް ކަމަށް އެ ކުންފުނިން ހުށަހަޅާފައިވާ ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ފާހަގަކުރެއެވެ. އަދި މިއީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދޭ އިންސާފުވެރި ޝަރީޢަތް ކުރެވުމުގެ ޙައްޤު ޕާރލް ކޮންސްޓްރަކްޝަންއަށް ގެއްލޭގޮތަށް ހައިކޯޓުން ކޮށްފައިވާ ޙުކުމެއް ކަމަށާއި، ދަޢުވާކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެއް ކަމުގައިވާއިރު، ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާ ފަދައިން ޤާނޫނަކުން ބާރުލިބިގެން އެކަށައަޅާ ޤާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތަށް މެނުއީ ނިގުޅައިގަނެވިގެން ނުވާނެ ކަމުގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެއެވެ. މީގެ އިތުރުން، ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް [2021] SC 111] މައްސަލައިގައި ކުރެވޭ މުޢާމަލާތެއްގެ ދަށުން އުފަންވާ ޙައްޤަކީ އޭގެ ޒާތުން ނެތިދާ ޙައްޤެއް ނޫންކަމުގައި ބަޔާންކޮށްފައިވާއިރު، މައުޟޫޢީ ދަޢުވާއަށް ޙުކުމެއްގެ ޒަރިއްޔާއިން މައްސަލަ ނިމުމުގެ ފުރުސަތު ނުލިބޭގޮތަށް، ޤާނޫނީ ނައްސަކަށް ޙަވާލާދިނުމަކާއި ނުލައި ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ އެ ސަބަބުތަކަށްޓަކައި ބަދަލުކުރަންޖެހޭ ނިންމުމެއް ކަމުގައިވެސް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެއެވެ.

20މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި މުޙައްމަދު ޢަޒުމީގެ ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ ހައިކޯޓުގެ ޙުކުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާ 16 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމުގައި ބުނެ ހުށަހަޅާފައިވާ ހުށަހެޅުމަށް އިންކާރުކުރާ ކަމުގައެވެ. އަދި ދަޢުވާކުރުމުގެ ޙައްޤާ ގުޅުވައި، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ޙަވާލާދީފައިވާ ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގެ ވާޤިޢާތަކަށް ބަލާއިރު، އެ މައްސަލައާ މި މައްސަލައަކީ މުޅިން ތަފާތު ދެ ބާވަތެއްގެ މައްސަލައެއްކަން އެނގޭ ކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުކުމެއްގައި ލިޔެފައިވާ އެންމެ ފޮޅުވަތެއް ނަގައި، އެ ފޮޅުވަތް ބޭނުންކޮށްގެން މުޅި ޙުކުމުގައި ކަނޑައަޅާފައިވާ ޤާނޫނީ އަސާސް އޮޅުވާލަން މަސައްކަތްކުރުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމަށް މަސައްކަތް ކުރަމުންދާ ކަމުގެ ހެއްކެއް ކަމަށެވެ.

21މި މައްސަލައަށް ބަލާއިރު، ހައިކޯޓުން މައްސަލައަށް ގޮތް ކަނޑައެޅުމުގައި މުޙައްމަދު ޢަޒުމީގެ މައްޗަށް ކޮށްފައިވާ ދަޢުވާގެ ވާޤިޢާތަކުގެ މައްޗަށް ބިނާކޮށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ސިވިލް ކޯޓަށް އެއްވެސް މައްސަލައެއް ހުށަނޭޅޭނެކަމަށް ކަނޑައަޅާފައިވަނީ ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން ހުއްޓުވުމަށްކަން އެނގެން އޮވެއެވެ. ޕާރލް ކޮންސްޓްރަކްޝަނުން ބުނާ ގޮތުގައި ހައިކޯޓުން މިފަދައިން ނިންމުމުގެ ނަތީޖާއެއްގެ ގޮތުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދޭ އިންސާފުވެރި ޝަރީޢަތް ކުރެވުމުގެ ޙައްޤުން އެ ކުންފުނި މަޙުރޫމުވެއެވެ. މީގެ އިތުރުން، ހައިކޯޓުގެ އެ ނިންމުމުން އެ ކުންފުނީގެ ޙައްޤު ނިގުޅައިގެންފައިވަނީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ޚިލާފަށް ކަމުގައިވެސް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެއެވެ.

(ހ) އެބިއުޒް އޮފް ޕްރޮސެސް (Abuse or Process)

22HN1އެބިއުޒް އޮފް ޕްރޮސެސްއަށް ޙަވާލާދީ މީގެ ކުރިން ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައި "ޢަދުލު އިންސާފުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން"، "ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުން" އަދި "އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުން" ބޭނުންކޮށްފައިވާކަން ފާހަގަކުރަމެވެ. އެބިއުޒް އޮފް ޕްރޮސެސްއަށް މިއިން ކޮންމެ ގޮތަކަށް ޙަވާލާދިން ނަމަވެސް، އެ އުޞޫލަކީ އެކަށައަޅާފައިވާ ނިޒާމުގެ ބޭނުން، ނިޒާމުން ޙާޞިލުކުރަން ބޭނުންވާ މަޤްޞަދު ޙާޞިލު ނުވާ ފަދައަކުން ނުވަތަ އާންމު އުޞޫލުން އެ ނިޒާމު ބޭނުންކުރާ ގޮތް ނޫން ގޮތަކަށް ނުވަތަ އެކަށީގެން ނުވާގޮތަށް ބޭނުންކުރުމަށް ޙަވާލާދީ ބޭނުންކުރާ ޤާނޫނީ އުޞޫލެކެވެ. މި އުޞޫލަކީ އެއް މައުޟޫޢަކާ ގުޅިގެން އެކި ދަޢުވާތައް އުފުލި، މައްސަލައިގައި ހިމެނޭ ފަރާތްތަކަކުން، އެ ދަޢުވާތަކާ ގުޅިގެން ކޮޅެއްގައި ނުޖެހި ގިނަދުވަސްތަކެއް ހޭދަކުރަން ޖެހުން ހުއްޓުވުމުގެ މަޤްޞަދުގައި، ޢާންމު މަޞްލަޙަތުގައި، ބޭނުންކުރެވޭ ޢާންމު އުޞޫލެކެވެ. އެއީ ކޯޓުގެ މަސްއޫލިއްޔަތާއި ބާރު ދެމެހެއްޓުމުގެ އިތުރުން، ޢަދުލުއިންސާފު ޤާއިމުކުރުމުގެ ނިޒާމު އެކަށޭނަ އަވަސް މިނެއްގައި، ވަކި ތަރުތީބެއްގެ ދަށުން، ހަލުވިކޮށް ހިންގުމުގެ މަޤްޞަދުގައި ބޭނުން ކުރެވޭ، އަދި ޤާނޫނުން ލިއްބައިދޭ ޔަޤީން ކަމާއި ޤާނޫނުގެ ވެރިކަމުގެ މަފްހޫމާވެސް ގުޅިފައިވާ އުޞޫލެކެވެ.

23ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް ބަލާއިރު، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގައިވެސް މި އުޞޫލަށް ޙަވާލާދީ، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުގެ ތެރޭގައި، ސަބަބެއް ނުވަތަ ބޭނުމެއް ނެތި ކުރާ ޢަމަލުތައް ނުވަތަ ވަގުތު ބޭކާރުކުރުމުގެ ޢަމަލުތައް ނުވަތަ އެހެން މީހުންނަށް އުނދަގޫވާގޮތަށް ހިންގާ ޢަމަލުތައް ހިމެނޭ ކަމުގައި ބަޔާންކުރެއެވެ. ހަމަ އެއާއެކު، ވަކި ހައްދެއް ނެތި ނުވަތަ އެކަހީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާނެފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުމާއި، އިންޞާފަށް ހުރަސްއެޅުމަށް މަސައްކަތްކުރުމާއި، ޢާންމު މަސްވަރާކުރުމުގައި އެހެން ފަރާތަކަށް ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދަ ޢަމަލުތަކަކީވެސް ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލުތައް ކަމަށް ބެލެވޭނެ ކަމުގައި އެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ.

24HN2މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު އަމީންވ. މިނިސްޓްރީ އޮފް ފިނޭންސް އާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް SC 33 [2022] މައްސަލައިގައި ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފިދާނެ ގޮތްތަކަކީ އެކި ސިފަ ސިފައިގައި އެކި ގޮތްގޮތަށް އުފަންވުމުގެ ފުރުސަތު ހުރި ކަންކަން ކަމުގައާއި، މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުންކަމަށް ބެލެވިދާނެ ޙާލަތްތަކެއް ބަޔާންކޮށްފައިވީ ނަމަވެސް، އެ ޤާނޫނުގައި ބަޔާންކޮށްފައިވަނީ ނިމެނިވި (exhaustive) ލިސްޓެއް ކަމުގައި ނުފެންނަކަމުގައާއި، ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލުތަކަކީ ދިވެހިރާއްޖޭގައި ހަމައެކަނި މައްސަލައެއް ބަލައިގަތުމަށްފަހު ޝަރީޢަތްތައް ކުރިއަށްދާއިރު ހިނގާ ކަންތައްތަކެއް ނޫން ކަމުގައި ފާހަގަކުރައްވާ، ރާއްޖޭގައި މައްސަލައެއް ކޯޓަށް ހުށަހެޅި ރަޖިސްޓްރީކުރުމުގެ މަރުޙަލާގެ ތެރެއިންވެސް އިޖުރާއަތުގެ ނަހަމަ ބޭނުން ކުރުމުގެ އިޙުތިމާލު އޮތްކަން ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ފާހަގަކުރައްވާފައިވެއެވެ. އަދި އެހެންކަމުން، ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމަށް ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 421 ވަނަ މާއްދާގެ (ށ) ހަނި މާނަކުރުމެއް ދެވިދާނެކަމަކަށް ފެނިވަޑައި ނުގަންނަވާ ކަމަށާއި، ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގައި ކޮންމެހެން ކޯޓުގެ ގަވާއިދަކާ ޚިލާފުވާން ނުޖެހޭ ކަމުގައާއި، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަކީ ޚަޞްމަކު ކުރާ ކަމެއް އެއީ ކޯޓުގެ އިޖުރާއަތާގުޅޭ އުޞޫލުތައް ލުއަވީ ގޮތުން މާނަކުރާއިރު ފުށުއެރުމެއް ނެތްކަމެއް ކަމުގައިވީ ނަމަވެސް، އެ އުޞޫލުތައް ތަޠުބީޤުކުރުމުގައި މައްސަލައިގެ ޚަޞްމަކަށް ކަނޑައެޅިގެން ނާއިންސާފުވުން ނުވަތަ ހެޔޮ ވިސްނޭ މީހުންގެ ނަޒަރުގައި އިންސާފު ޤާއިމުކުރުމުގެ ނިޒާމު ބަދުނާމުވުން ފަދަ ކަންކަން ކުރިމަތިވުން ފަދަ ކަންކަން ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމުގެ ތެރޭގައި ހިމެނޭކަމުގައިވެސް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރު ވިދާޅުވެފައިވާކަން ފާހަގަކުރަމެވެ. ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާކަން ނުވަތަ ނޫންކަން ކަނޑައަޅާން ބޭނުންކުރާނެ މިންގަނޑު

25HN3މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމަށްފަހު، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށްގެން ކުރިއަށް ދެވިދާ ހިނދު، މި މައްސަލައަކީ މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރީގެ މައްސަލައެއްކަމުން، އެ ޤާނޫނުގައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ޢަމަލެއް ހިނގައިފިނަމަ ޢަމަލުކުރަން އޮންނަ ގޮތް މި މައްސަލައަށް ތަތުބީޤު ކުރެވިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.

26އެހެންކަމުން، މި މައްސަލައިގައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރިކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި އަޙްމަދު އަމީން މައްސަލައިގައި ބަޔާންކޮށްފައިވާ ޓެސްޓު ތަޠުބީޤުކުރާނަމެވެ. އެގޮތުން، ބަލަންޖެހެނީ:

(ހ) ކޯޓުން ކަނޑައަޅަންޖެހޭނީ ޚަޞްމުގެ ޢަމަލަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލެއްތޯ ނުވަތަ ނޫންތޯ؟ އަދި

(ށ) އެ ޢަމަލަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލެއް ކަމުގައިވާނަމަ އެ ޢަމަލަކަށް އެކަށީގެންވާ ފިޔަވަޅަކީ ކޮބައިތޯއެވެ.

މި މައްސަލައަށް ޓެސްޓު ތަޠުބީޤުކުރުން

27މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ހުޅުމާލެ ލޮޓް ނަންބަރު 10809 ގަތުމަށާއި އެ ބިމުގައި 4 (ހަތަރެއް) ބުރީގެ ޢިމާރާތެއް އެޅުމަށްޓަކައި ކޮށްފައިވާ ޚަރަދާއި ގެއްލުމުގެ ބަދަލު ހޯދުމަށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން އެކި ފަހަރުމަތިން، އެއް މައުޟޫޢެއްގެ މައްޗަށް، ވަކި ހަތަރު މައްސަލައެއް ހުށަހަޅާފައިވާކަން އެނގެން އޮވެއެވެ. މިއީ އެ ކުންފުންޏާއި އެ ކުންފުނީގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރި އަލްމަރްޙޫމް މޫސާ ޢަލީދީދީއާ ދެމެދު ވެފައިވާ އެއްބަސްވުންތަކަކާ ގުޅޭ ދަޢުވާއެއް ކަމުގައި އެކުންފުނިން ބުނެއެވެ. ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން އެކި ފަހަރު މަތިން ކޯޓަށް ހުށަހަޅާފައިވާ ބުނެވުނު ދަޢުވާތައް ހުށަހަޅާފައިވަނީ އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ދަރި މުޙައްމަދު ޢަޒުމީގެ މައްޗަށް ރައްދުވާގޮތަށެވެ.

28ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ކޯޓަށް ހުށަހެޅި މައްސަލަތަކަށް ވެފައިވާ ގޮތަށް ބަލާއިރު، ސިވިލް ކޯޓަށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން 30 އޯގަސްޓް 2016 ގައި ހުށަހެޅި ފުރަތަމަ މައްސަލަ އާއި 03 މެއި 2017 ގައި ހުށަހެޅި ދެވަނަ މައްސަލަ ބާޠިލުކޮށްފައިވަނީ މައްސަލަ ހުށަހެޅި ފަރާތުގެ ޙައިޞިއްޔަތުން ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވުމުގެ ސަބަބުންނެވެ. 30 ޖެނުއަރީ 2018 ގައި ސިވިލް ކޯޓަށް ހުށަހެޅި ތިންވަނަ މައްސަލަ ގައި ޙުކުމެއް ކޮށްފައިވާއިރު، އެ ޙުކުމުގައި މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައަޅާފައި ނުވެއެވެ. މިފަދައިން ކަން ހިނގާފައިވަނީ ޕާރލް ކޮންސްޓްރަކްޝަން އިން ހުށަހެޅި ދަޢުވާއަކީ އެ ކުންފުންޏާއި އަލްމަރްޙޫމް މޫސާ ޢަލީދީދީއާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ތެރެއިން އުފަންވެފައިވާ ޚުޞޫމާތެއް ކަމުގައިވާހިނދު، މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައެޅޭނީ އަލްމަރުޙޫމް މޫސާ ޢަލީދީދީގެ ހުރިހާ ވާރިޘުން ހިމެނޭ ގޮތަށް ހުށަހަޅާފައިވާ ދަޢުވާއެއްގެ ތެރެއިން ކަމަށް ކޯޓުންކޮށްފައިވާ ޙުކުމުގައި

29ބަޔާންކުރެވުނު ތިންވަނަ މައްސަލައިގެ ޙުކުމް ކުރިތާ 9 (ނުވައެއް) މަހަށްވުރެ ގިނަ ދުވަސްވީ ފަހުން ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހަމަ އެ މައުޟޫޢުގައި ދަޢުވާ އުފުލުމުގެ ގޮތުން 14 ސެޕްޓެމްބަރ 2020 ގައި ހަތަރުވަނަ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. ތިންވަނަ މައްސަލައިގެ ޙުކުމުގައި މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައެޅޭނީ އަލްމަރުޙޫމް މޫސާ ޢަލީދީދީގެ ހުރިހާ ވާރިޘުން ހިމެނޭ ގޮތަށް ހުށަހަޅާ ދަޢުވާއެއްގެ ތެރެއިން ކަމުގައި ބަޔާންކޮށްފައި އޮތް ނަމަވެސް، ހަތަރުވަނަ މައްސަލައިގެވެސް ދަޢުވާ ރައްދުވާ ފަރާތެއްގެ ގޮތުގައި އޮތީ ހަމައެކަނި މުޙައްމަދު ޢަޒުމީއެވެ.

30ޙަވާލާދެވުނު ހަތަރުވަނަ މައްސަލަ ބަލަމުން ދަނިކޮށް، މައްސަލަ ހުށަހެޅިތާ ގާތްގަނޑަކަށް 8 (އަށެއް) މަސް ވާން ކައިރިވެފައި ވަނިކޮށް، މައްސަލަ އަނބުރާ ގެންދިއުމަށް ޕާރލް ކޮންސްޓްރަކްޝަން އިން އެދުނެވެ. އަދި އޭގެ ތަފްޞީލު ހުށަހެޅުމަށް ކޯޓުން އެދުމުން، މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވަނީ މައްސަލައިގައި ދަޢުވާ ލިބޭ ފަރާތްތައް ބަދަލުކުރުމަށާއި މައްސަލައިގެ މައުޟޫޢަށް ބަދަލުތަކެއް ގެނައުމަށް ކަމުގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނުމުން، ހަތަރުވަނަ މައްސަލައިގެ ޙުކުމް ކޮށްފައިވަނީ ޕާރލް ކޮންސްޓްރަކްޝަން އެދިފައިވާ ފަދައިން ދަޢުވާ އިޞްލާޙުކޮށް ހުށަހެޅުމަށްޓަކައި އެ މައްސަލައިގެ ދަޢުވާ ފޯމް ބާޠިލްކުރާކަމަށެވެ.

31އެހެންކަމުން، މި ހަތަރުވަނަ މައްސަލައިގެ ނިންމުން މުޙައްމަދު ޢަޒުމީގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު، އެ ނިންމުމުގައި ދަޢުވާ އަލުން ހުށަހެޅުމުގެ ފުރުސަތު ޕާރލް ކޮންސްޓްރަކްޝަންއަށް ލިބިދީފައިވާތީ އެކަމަށް އިއުތިރާޒުކޮށް ނުކުތާއެއް ހުށަހަޅާފައިވެއެވ. އެހެނީ އެ ދަޢުވާއަކީ ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން އޭގެ ކުރިން ތިން ފަހަރެއްގެ މަތިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދަޢުވާއަކަށްވުމުން، ޕާރލް ކޮންސްޓްރަކްޝަންގެ ޢަމަލުތަކަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ އަދި ހައިކޯޓުގެ ނަންބަރު 2018/HC-A/51 ޤަޟިއްޔާއިން ކަނޑައަޅާފައިވާ އުޞޫލާއި ޚިލާފު ޢަމަލުތަކެއް ކަމުގައި މުޙައްމަދު ޢަޒުމީއަށް ބެލެވޭތީއެވެ. ހައިކޯޓުން ނިންމީ މުޙައްމަދު ޢަޒުމީ އެދުނު ފަދައިން، އެއީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ އަމަލެއް ކަމުގައެވެ.

32އަޙްމަދު އަމީން މައްސަލައިގައި ބަޔާންކޮށްފައިވާ ފަދައިން ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމަށް ހަނި މާނަކުރުމެއް ދެވިދާނެކަމަކަށް އަހުރެންނަށްވެސް ނުފެންނަ ހިނދު، އެ މައްސަލައިގައި ބަޔާންކޮށްފައިވާ ޓެސްޓު މި މައްސަލައަށް ތަޢުބީޤުކުރުމަށްޓަކައި ޕާރލް ކޮންސްޓްރަކްޝަންގެ ޢަމަލަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅަންޖެހެއެވެ. އަދި ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލެއްކަން ކަނޑައެޅުމުގައި ބޭނުންކޮށްފައިވާ ބައެއް ވިސްނުންތަކަށް ބަލާލާނަމެވެ.

33HN4އިނގިރޭސިވިލާތުގެ މައްސަލައެއް ކަމުގައިވާ Grovit v Doctor އަދި އެ ޤައުމުގެ ކޯޓުތަކުން ނިންމާފައިވާ އެހެނިހެން މައްސަލަތަކުން އެނގެން ހުރި ގޮތުގައި، ހުށަހަޅާ ދަޢުވާއަކާ ގުޅިގެން ހައިކޯޓުގެ ނަންބަރު 2018/HC-A/51 (ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސަސް ޕަވބި ލިޓިޑ) ޤަޝިއްޔާގެ 3 ވަނަ ނަންބަރުގެ (ނ) އަދި (ރ) [ސަފުހާ 8] ގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤަކީ އެހެން ޙައްޤުތަކެކޭ އެއްފަދައިން އިމެއްނެތި ބޭނުންކުރެވޭގޮތަށް އޮންނަ މުޢުލަޤު ޙައްޤެއް ނޫންކަމުގައި ބަޔާންކުރުމަށްފަހު، އެ ޙައްޤުގެ ބޭނުން ހިފުމުގައި ނަހަމަ ގޮތުގައި އެހެން ފަރާތަކަށް ގެއްލުމެއްދޭކަމަށް ބެލެވޭނަމަ، އެފަދަ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ހުއްޓުވަންޖެހޭ ކަމުގައި ބަޔާންކޮށްފައިވެއެވެ. އ.ބ. 18 Grovit and Others v. Doctor and Others [1997] UKHL 13; [1997] 1 All ER 417; [1997] 1 WLR 640 Arbuthnot Latham Bank Limited; Nordbanken London Branch v Trafalgar Holdings Limited; Peter John Ashton and Pauline Hilda Ashton [1997] EWCA Civ 2999; Realkredit Danmark A/S v York Montague Ltd [1999] C.P.L.R. 272, CA; އެކަށީގެންވާ ދިގު މުއްދަތެއް ފަހުން މެނުވީ ކުރިއަށް ނުދިއުމަށް ދަޢުވާކުރާ ފަރާތުން އަމިއްލައަށް ނިންމައިފި ހިނދު، އަދި އެ ދަޢުވާ ފަހުން ކުރިއަށް ގެންދިއުމަށް ޤަސްދުކުރާނަމަ، އެފަދަ ޙާލަތަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ އަމަލެއް ކަމުގައި ބެލެވިދާފަދަ އަމަލެކެވެ. މިފަދައިން ދިމާވެއްޖެނަމަ، އެއީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ އަމަލެއް ކަން ނުވަތަ ނޫންކަން ކަނޑައެޅުމަށްޓަކައި (ހ) މައްސަލަ މަޑު ޖައްސާލަން / ހުއްޓުވަން ބޭނުންވި ސަބަބާއި، (ށ) އެ ސަބަބުގެ ހަރުދަނާކަމާއި، (ނ) މައްސަލަ މަޑު ޖައްސާލި / ހުއްޓުވި މުއްދަތު (ސަބަބުގެ ހަރުދަނާކަމާއި އަޅާކިޔުމަށް) ބަލަންޖެހޭނެ ކަމުގައި ކަނޑައަޅާފައިވެއެވެ. މީގެ އިތުރުން، މައްސަލަ މަޑުޖައްސާލަން އެދޭނަމަ، އެކަމުގައި މައްސަލަ ރައްދުވާ ފަރާތުގެ ރުހުން ނުވަތަ ކޯޓުން އެ ފުރުޞަތު ހޯދަންޖެހޭ ކަމުގައާއި، މިއިން ގޮތަކަށް ޢަމަލުކޮށްފައި ނުވާނަމަ، މައްސަލަ މަޑުޖައްސާލުމަށް ނުވަތަ އެ ވަގުތަށް މައްސަލަ ހުއްޓުވަން ބޭނުންވި ސަބަބަކީ ކިތަންމެ ހަރުދަނާ ސަބަބެއް ކަމުގައިވީނަމަވެސް، އަދި މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ނަމަވެސް، އެ ޢަމަލަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ އަމަލެއް ކަމުގައި އޮޓޮމެޓިކުން ބެލޭނެކަމުގައިވެސް

34މީގެ އިތުރުން، ކޯޓުތަކަކީ ދެފަރާތެއްގެ ދެމެދުގައި އުފެދޭ ޚުޞޫމާތް ތަކާމެދު ގޮތް ކަނޑައަޅާ މުއައްސަސާއެއް ކަމުގައިވާހިނދު، ހުށަހަޅާ މައްސަލައެއްގައި ގޮތެއް ނުނިންމާ ބޭއްވުމަކީ ނުވަތަ މައްސަލަ ދިގުދެންމުމަކީ މައްސަލަ ހުށަހަޅާ ފަރާތުގެ މަޤްޞަދުކަމުގައި ބެލެވޭނަމަ، އެފަދަ ޙާލަތަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ އަމަލެއް އެކުލެވޭ ހާލަތެއް ކަމުގައިވެސް ބެލެވެއެވެ.

35އިނގިރޭސިވިލާތުގައި ޢަމަލުކުރާ އިޖުރާއަތުތަކާއި ދިވެހިރާއްޖޭގައި އަމަލުކުރާ އިޖުރާއަތު ތަކުގައި ތަފާތުތަކެއް ހުރިނަމަވެސް، އަދި އަހުރެން ކުރިމަތީގައި މިއޮތް މައްސަލައާއި ޙަވާލާދެވުނު އިނގިރޭސިވިލާތުގެ މައްސަލަތަކުގެ މައުސޫޢުގައި ތަފާތުތަކެއް ހުރިނަމަވެސް، ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލަކީ ކޮބައިކަން ކަނޑައެޅުމުގައި އެ ޤައުމުގެ ކޯޓުތަކުން ބޭނުންކޮށްފައިވާ މިންގަނޑު ރާއްޖޭގައި ބޭނުންކުރެވިދާނެ ކަމުގައި ދެކެމެވެ.

36HN5އެހެންކަމުން، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި ހަތަރުވަނަ މައްސަލަ އަނބުރާ ގެންގޮސްފައިވަނީ ކޯޓުން އެކަމަށް ތަންދިނުމުން ކަމުގައިވާހިނދު، އެ ކުންފުނީގެ ފަރާތުން ފުރަތަމަ ހުށަހެޅި ދެ މައްސަލަ ބާޠިލުކޮށްފައިވަނީ އެ ކުންފުނީގެ ފަރާތުން ކޯޓަށް ހާޟިރުވުމަށް އަންގާ ފޮނުވި އަމުރަށް ހާޟިރުވެފައި ނުވުމުގެ ސަބަބުން ކަމަށްވެފައި، ތިންވަނަ މައްސަލައިގައި، މައްސަލައިގެ މައުޟޫޢާމެދު ގޮތެއް ކަނޑައެޅޭނީ އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ހުރިހާ ވާރިސުން ހިމެނޭގޮތަށް ހުށަހަޅާ މައްސަލައެއްގެ ތެރެއިން ކަމުގައި ކޯޓުން ކަނޑައަޅައި ޙުކުމްކޮށްފައި ވަނިކޮށް، އެ ޙުކުމާއި އެއްގޮތަށް މައްސަލަ ހުށަހެޅުމަކާ ނުލައި، ހަތަރުވަނަ މައްސަލައެއް ހުށަހެޅުމަށްފަހު، ދަޢުވާ ލިބޭ ފަރާތްތައް ބަދަލުކުރުމަށް އަދި މައްސަލައިގެ މައުޟޫޢަށް ބަދަލުތަކެއް ގެނައުމަށް ބޭނުންވާކަމަށް ބުނެ މައްސަލަ އަނބުރާ ގެންދިއުމުން، އެއީ އޭގެ ޒާތުން ކޯޓުގެ ގަވާއިދާ ޚިލާފު ޢަމަލުތަކެއް ކަމުގައި ނުވިނަމަވެސް، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން 30 އޯގަސްޓް 2016 ގައި ފުރަތަމަ މައްސަލަ ހުށަހެޅުމާއި، 15 ނޮވެމްބަރު 2020 ގައި ހަތަރުވަނަ މައްސަލަ އަނބުރާ ގެންދިއުމަށް އެދުމުން އެ މައްސަލައިގެ ޙުކުމް ކުރުމާ ހަމައަށް ހިނގާފައިވާ ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ހަތަރު ފަހަރެއްގެ މަތިން އެއް މައުޟޫޢެއްގައި މައްސަލަ ހުށަހަޅާފައިވުމަކީ، އެ ކުންފުނީގެ ފަރާތުން ގަސްދުގައި ނުވަތަ ފަރުވާކުޑަކަމުން ނަމަވެސް، ވަގުތު ބޭކާރުކުރުމުގެ ގޮތުން އަދި މައްސަލަ ރައްދުވާ ފަރާތަށް ފުރައްސާރަކޮށް އުނދަގޫކުރުމުގެ ގޮތުން ކޮށްފައިވާ އަމަލެއް ކަމުގައި ބެލުމުގެ އިޙްތިމާލު އޮވެއެވެ. އަދި އެގޮތަށް އަހުރެންނަށް ބުރަވެވެއެވެ.

37އަހުރެންނަށް މިގޮތަށް ބުރަވެވެނީ ފުރަތަމަ ދެ މައްސަލަ ބާޠިލުވެފައިވަނީ މައްސަލަ ކުރިއަށް ދަނިކޮށް، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ޝަރީޢަތަށް ހާޟިރުވެފައި ނުވާތީ ކަމުގައި ވެފައި، އެފަދައިން ކަންހިނގާފައިވުމަކީ އޭގެ ޒާތުން މައްސަލަ ހުށަހެޅި ފަރާތުން މައްސަލައާމެދު ދެކޭ ގޮތް ނުވަތަ މައްސަލައަށްދޭ އަހަންމިއްޔަތު ރަމްޒުކޮށްދޭ ކަމެއްކަމުގައި އަހުރެންނަށް ގަބޫލުކުރެވޭތީއެވެ. ހަމަ މިފަދައިން، ތިންވަނަ މައްސަލަ ނިންމުމުގައި މައްސަލައާއިގެން ކުރިއަށް ދެވޭނީ މަރްޙޫމްގެ ހުރިހާ ވާރިސުން ހިމެނޭގޮތަށް ހުށަހަޅާ މައްސަލައަކުން ކަމުގައި ކޯޓުން ކަނޑައެޅުމުންވެސް، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި ހަތަރުވަނަ މައްސަލައިގައި ޢަމަލުކޮށްފައިވަނީ އެފަދައިން ނޫންކަމުން، އެއީ މައްސަލަ ރައްދުވާ ފަރާތަށް އުނދަގޫކުރުމުގެ މަޤްޞަދުގައި ނުވަތަ މައްސަލައާމެދު އޮތް އަހަންމިއްޔަތު ކުޑަވުމުގެ ސަބަބުން ޢައިރު ޒިންމާދާރުކޮށް ޢަމަލުކޮށްފައިވަނީ ކަމުގައި އަހުރެންނަށް ބުރަވެވެއެވެ. އަދި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން މިބީދައިން ޢަމަލު ކޮށްފައިވާ އެނޫން ސަބަބެއް ނުވަތަ ބޭނުމެއް ދެނެގަނެވެން ނެތެވެ. އެހެންކަމުން، ޕާރލް ކޮންސްޓްރަކްޝަންގެ ޢަމަލުތަކަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލުތަކެއް ކަމުގައި އަހުރެން ދެކެމެވެ.

(ށ) ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ ޙައްޤު

38ޕާރލް ކޮންސްޓްރަކްޝަނުން ބުނާ ގޮތުގައި އެފަރާތުން ކޯޓަށް ހުށަހެޅި މައްސަލައިގެ މައުޟޫޢަށް ދަޢުވާ ނުކުރެވޭނެ ކަމުގައި ހައިކޯޓުން ކަނޑައެޅުމުގެ ނަތީޖާއެއްގެ ގޮތުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދޭ އިންސާފުވެރި ޝަރީޢަތް ކުރެވުމުގެ ޙައްޤުން އެ ކުންފުނި މަޙުރޫމުވެއެވެ. އަދި ދަޢުވާކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެއް ކަމުގައިވެފައި، އަސާސީ ޙައްޤެއް ހިފެހެއްޓޭނީ ނުވަތަ ހަނިކުރެވޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމުގައި ވާހިނދު، ހައިކޯޓުން އެފަދައިން ނިންމާފައިވަނީ ޤާނޫނީ ނައްޞަކަށް ޙަވާލާދީފައި ކަމުގައި ނުވާތީ ހައިކޯޓުގެ އެ ނިންމުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާ ޚިލާފަށް ޕާރލް ކޮންސްޓްރަކްޝަންގެ ޙައްޤު ނިގުޅައިގަތުން ކަމުގައިވެސް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، ޙައްޤަކީ އޭގެ ޒާތުން ނެތިދާ އެއްޗެއް ނޫންކަމުގައި ސުޕްރީމް ކޯޓުގެ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕަރްއިވެޓް ލިމިޓެޑް [2021] SC 111 މައްސަލައިގައި ކަނޑައަޅާފައިވާ ކަނޑައެޅުމާ ހައިކޯޓުން ޚިލާފުވެފައިވާކަންވެސް ޕާރލް ކޮންސްޓްރަކްޝަނުން ފާހަގަކުރެއެވެ.

39މި ނުކުތާއާ ގުޅިގެން މުޙައްމަދު ޢަޒުމީގެ ފަރާތުން ބުނެފައިވަނީ އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕަރްއިވެޓް ލިމިޓެޑް [2021] SC 111 މައްސަލައިގައި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ މާނަކޮށްފައިވާ ގޮތަށް ބަލާއިރު، ޕާރލް ކޮންސްޓްރަކްޝަނުގެ ފަރާތުން ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ ދޭހަކަމުގައި ހުށަހަޅާފައިވާ ހުށަހެޅުމަކީ އުރީދޫ މޯލްޑިވްސް މައްސަލައިގައި އެ ޙައްޤު މާނަކޮށްފައިވާ ގޮތާއި ތަޢާރުޒުވާ ހުށަހެޅުމެއް ކަމުގައެވެ. އަދި މި ހުށަހެޅުމުންވެސް ޕާރލް ކޮންސްޓްރަކްޝަނުގެ ފަރާތުން ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމަށް މަސައްކަތްކުރާކަން ދައްކުވާދޭ ކަމަށްވެސް މުޙައްމަދު ޢަޒުމީގެ ފަރާތުން ބުނެއެވެ. މިގޮތުން، އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18 މައްސަލައިގައި ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ ޙައްޤުގެ ތެރޭގައި ހިމެނޭ ކަންކަމަކީ ކޮބައިކަން ބަޔާންކޮށްފައިވާކަން ފާހަގަކޮށް، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަކީ އެކި ފަރާތްތަކަށް ކޯޓުގައި ދަޢުވާކުރުމުގެ ޙައްޤު ލިބިދޭ މާއްދާއެއް ނޫންކަމުގައި، އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އަށް ޙަވާލާދީ، މަދަނީ ޚުޞޫމާތެއްގައި ދަޢުވާކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ފަދައިން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން މެނުވީ ހަނިކުރެވޭނެ ޙައްޤެއް ނޫންކަމުގައި ބުނުމަކީ، އެ ޙައްޤު އެކަށީގެން ނުވާގޮތެއްގައި، ނުބައިކޮށް މާނަކުރުންކަމުގައި އުރީދޫ މޯލްޑިވްސް މައްސަލައިގައި ބަޔާންކޮށްފައިވާކަން މުޙައްމަދު ޢަޒުމީގެ ފަރާތުން ފާހަގަކުރެއެވެ.

40HN6މީހެއްގެ ޙައްޤަކަށް އުނިކަމެއް އަންނަ ހިނދު ނުވަތަ އަސަރެއް ފޯރާހިނދު، އެ މީހެއްގެ މަޞްލަޙަތު ހިމާޔަތްކުރުމަށްޓަކައި ކޯޓަކަށް ނުވަތަ ޓްރައިބިއުނަލްއަކަށް ދިއުމަކީ އެ މީހެއްގެ ޙައްޤެކެވެ. އަދި އެ މައްސަލައެއްގައި ޢަދުލުވެރި ޝަރީޢަތެއް ކުރެވުމަކީވެސް އެ މީހެއްގެ ޙައްޤެކެވެ. އެހެންނަމަވެސް، މައްސަލަ ހުށަހެޅުމުގެ ޙައްޤެއް ލިބިފައިވާތީ، އެއީ މުޠުލަޤަށް އެ މީހަކު ބޭނުންވާ ގޮތަކަށް ޝަރީޢަތުގެ ނިޒާމު ބޭނުންކުރުމަށް ލިބިދޭ އިޚްތިޔާރެއް ނޫނެވެ. ފަނޑިޔާރުން އިންސާފުން ޝަރީޢަތްކުރުމަށްޓަކައި ތަބާވާންޖެހޭ މައިގަނޑު އުޞޫލުތަކެއް ހުރެއެވެ. އަދި ކޯޓުތަކުގެ އިޖުރާއަތުތަކެއްވެސް ހުރެމެއެވެ. ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ ވަކިފަރާތަކަށް ނުޖެހި، ހަމަހަމަކަމާއި އިންސާފުން ޝަރީޢަތް ކުރުމާ ގުޅޭ ކަމެއްވެސް މެއެވެ. އެހެނީ ވަކި ފަރާތެއް އެފަރާތެއްގެ މަންފާއަށް ނިޒާމުގެ ބޭނުންކޮށް އެހެން ފަރާތަކަށް ނުވަތަ ފަރާތްތަކަކަށް ތަކުލީފު ޖައްސައި، ތުރާކުރުމަށް ފުރުސަތު ދިނުމަކީ އެއް ހަމައެއްގައި ޚަޞްމުން މެދުގައި ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމަށް އެޅޭ ހުރަހަކަށް ވެގެން ދިއުމުގެ ފުރުސަތު އޮތުމުންނެވެ.

41އެހެންކަމުން، ޕާރލް ކޮންސްޓްރަކްޝަނުގެ ފަރާތުން ހުށަހެޅި މައްސަލަތަކުގައި ކަން ހިނގާފައިވާ ގޮތަށާއި، ފަނޑިޔާރުން ޝަރީޢަތްކުރުމަށްޓަކައި ތަބާވާންޖެހޭ އުޞޫލުތަކުގެ އަލީގައި ހުށަހެޅި މައްސަލައިގެ މައުޟޫޢަށް އިތުރަށް ދަޢުވާ ނުކުރެވޭނެ ކަމުގައި ހައިކޯޓުން ކަނޑައަޅާފައިވަނީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) އިން ލިބިދީފައިވާ ޙައްޤުން އެ ކުންފުނި މަޙުރޫމުވާގޮތަށް ކަމަށް ކަނޑައެޅިދާނެ ޤާނޫނީ ބިނާއެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ދެވަނަ އިސްތިއުނާފީ ނުކުތާ

42ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ ސަބަބުން ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ކޮށްފައިވާ ބޮޑު ހޭދައެއްގެ ބަދަލު ހޯދުމުގެ ހުރިހާ މަގެއް ބަންދުވެގެން ގޮސްފައިވާ ކަމަށާއި، އެހެންކަމުން މި ނިންމުމަކީ ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ ދަށުން ޕާރލް ކޮންސްޓްރަކްޝަންއަށް ލިބިދޭ ޤާނޫނީ ޙައްލު ހޯދުމުގެ މަގު ބަންދުވެގެން ގޮސްފައިވާ ނިންމުމެއް ކަމަށް ޕާރލް ކޮންސްޓްރަކްޝަނުގެ ފަރާތުން ހުށަހަޅާފައިވާ ދެވަނަ އިސްތިއުނާފީ ނުކުތާގައި

43މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި މުޙައްމަދު ޢަޒުމީގެ ފަރާތުން ދެކަމެއް ފާހަގަކޮށްފައިވެއެވެ. އެއީ:

43.1. ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމުގެ ސަބަބުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އެ ފަރާތަށް ގެއްލިގެން ގޮސްފައިވާ ކަމަށް ބުނެ ހުށަހެޅުމެއް ހުށަހަޅާފައިވާއިރު، މި ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓު މަރުޙަލާގައި އެއްވެސް ވަރަކަށް ފާހަގަކޮށްފައިވާ ނުކުތާއެއް ނޫން ކަމުން، މިއީ ސުޕްރީމް ކޯޓުގެ ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކޮށް ބަލައިގަންނަން ޖެހޭ އިސްތިއުނާފީ ނުކުތާ ނުކުތާއެއް ނޫންކަން؛ އަދި

43.2. ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާ ބަލައިގަންނަން ކޯޓުން ނިންމާނަމަ، އެއްބަސްވުމުގެ ދަށުން ޕާރލް ކޮންސްޓްރަކްޝަންއަށް ގެންލުން ލިބިފައިވާނަމަ އެކަން ހިމެނޭ ފަދައިން އެތަކެއް ފަހަރު މަތިން ދަޢުވާކުރުމުގެ ފުރުޞަތު އެ ކުންފުންޏަށް ލިބި އެ ފުރުޞަތުތަކުގެ ބޭނުން ހިފާފައިވާކަން ފާހަގަކޮށް، އެ ފުރުޞަތަތަކުގެ ބޭނުން އެކަށީގެންވާ ގޮތުގައި ހިފުމަކާއި ނުލައި، ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރަމުން ދިޔުމުން އެކަން ހުއްޓުވާ، އެ މައުޟޫޢުގައި އިތުރު ދަޢުވާއެއް ކުރުން ހައިކޯޓުން މަނާކުރުމަކީ ޕާރލް ކޮންސްޓްރަކްޝަންއަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ލިބިފައިވާ ޙައްޤު ގެއްލިގެން ދިޔުން ކަމުގައި ބެލޭނެ ޤާނޫނީ އެއްވެސް ހަމައެއް ނެތް ކަމުގައެވެ.

44މި ނުކުތާއަށް ގޮތެއް ކަނޑައެޅުމަށް ބަލާއިރު، ސިވިލް ކޯޓަށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ 4 (ހަތަރެއް) ދަޢުވާ ގައި އެ ކުންފުނީގެ ފަރާތުން ހުށަހަޅާފައިވަނީ ހުޅުމާލެ ލޮޓް ނަންބަރު 10809 ގައި ޕާރލް ކޮންސްޓްރަކްޝަންގެ ޚަރަދުގައި 4 (ހަތަރެއް) ބުރީގެ ޢިމާރާތެއް އެޅުމަށްޓަކައި ކޮށްފައިވާ ޚަރަދު ހޯދުމަށް އެ ކުންފުންޏާއި އަލްމަރްޙޫމް މޫސާ ޢަލީދީދީއާމެދު ވެފައިވާ އެއްބަސްވުމާއި އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ދަރިފުޅު ޚިލާފުވެފައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެ ބިމުގައި ޢިމާރާތް އެޅުމަށް ކުރި ޚަރަދާއި، އެ ގޯތި ގަތުމަށް ޕާރލް ކޮންސްޓްރަކްޝަންއިން ކޮށްފައިވާ ޚަރަދު ހޯދުމަށް އެދިކަން އެ މައްސަލަތަކުގެ ދަޢުވާ ފޯމުތަކަށް ބެލުމުން އެނގެއެވެ. އެހެންކަމުން، މި މައްސަލައިގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ދަޢުވާކޮށްފައިވަނީ ގެއްލުމުގެ ބަދަލު ހޯދުމަށްކަން ސާފެވެ. އެއީ، އެފަރާތުން ދަށު ކޯޓުގައި ހުށަހަޅާފައިވާ ދަޢުވާތަކަށް ބެލުމުން، ހުޅުމާލެ ލޮޓް ނަންބަރު 10809 ގަތުމަށް އަދި އެ ބިމުގައި ޢިމާރާތްކުރުމަށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ކޮށްފައިވާ ޚަރަދަކީ އެ ކުންފުންޏާއި އަލްމަރްޙޫމް މޫސާ ޢަލީދީދީއާ ދެމެދު އޮތް އެއްބަސްވުމުގައިވާ ފަދައިން ކަން ހިނގާ ދިޔަނަމަ، އެފަރާތުން ހޯދުމަށް އެދޭނެ ފައިސާއެއް ނޫންކަން ދޭހަވާ ފަދައިން އެ މައްސަލަތަކުގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ދަޢުވާތައް ފަރުމާކޮށްފައިވާތީއެވެ. އެހެންކަމުން، ދަޢުވާއަކީ އޭގެ ޒާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޕާރލް ކޮންސްޓްރަކްޝަންއިން ކޮށްފައިވާ ދަޢުވާތަކެއްކަމުގައި ބުރަވެވެއެވެ.

45ދެން އޮތް ސުވާލަކީ، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި ހަތަރުވަނަ މައްސަލަ ނިމުނު ގޮތާމެދު ހިތްހަމަ ނުޖެހިގެން މުޙައްމަދު ޢަޒުމީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޕާރލް ކޮންސްޓްރަކްޝަންއަށް ލިބޭނެ ގެއްލުމުގެ ވާހަކަ އެ ކޯޓުގައި ފާހަގަކޮށްފައި ނުވުމާ ޙަވާލާދީ ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާ ބަލައިނުގަންނަން އޮތް ސަބަބެއްތޯ ނުވަތަ ނޫންތޯއެވެ. އެހެނީ، އަސްލު ދަޢުވާއަކީ ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ގެއްލުމުގެ ބަދަލު ހޯދުމާގުޅޭ މައްސަލަތަކެއް ކަމުގައިވާއިރު، އޭގެ ތެރެއިން ހަތަރުވަނަ މައްސަލައިގެ ނިންމުމުގައި އަލުން އެ މައުޟޫޢުގައި އައު މައްސަލައެއް ހުށަހެޅުމަށް ފުރުޞަތު ހުޅުވާލާފައި އޮތުމުގެ ސަބަބުން، ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރާކަމުގައި ބުނެ މުޙައްމަދު ޢަޒުމީގެ ފަރާތުން ހައިކޯޓަށް މައްސަލަ ހުށަހެޅުމުން، އެ ކޯޓުގައި ހިނގާ ޤާނޫނީ ބަހުސް އަދި ނިންމުން ބިނާވާނީ އިސްތިއުނާފުކުރި ޤާނޫނީ ނުކުތާގެ މައްޗަށް ކަމުގައި ވުމުންނެވެ.

46HN7މި ނުކުތާއަށް ގޮތް ކަނޑައެޅުމަށްޓަކައި، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ޙަވާލާދީ އެ ކުންފުންޏަށް ލިބޭނެ ގެއްލުމުގެ ވާހަކަ ހައިކޯޓުގައި ފާހަގަކޮށްފައި ނުވުމަކީ އެ ނުކުތާ ސުޕްރީމް ކޯޓުގައި ބަލައި ނުގަތުމަށް އޮތް ހުއްޖަތެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ކަޕޫރުﷲ ޔޫސުޕް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 ގައި ކަނޑައަޅާފައިވަނީ ހައިކޯޓުގެ ޙުކުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތުގައި ޢަމަލު ކުރަންޖެހޭ ޢާންމު އުޞޫލު ކަމުގައާއި، އެގޮތުން ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭ ޤާނޫނީ ބަހުސަކީ ދަށު މަރުޙަލާތަކުގައި ވެސް ހުށަހެޅިފައިވާ ޤާނޫނީ ބަހުސަކަށް ވާންޖެހޭކަން ކަޕޫރުﷲ މައްސަލައިގައި ކަނޑައަޅާފައިވާކަން ފާހަގަ ކުރަމެވެ. އެހެންކަމުގައިވާނަމަ، ޕާރލް ކޮންސްޓްރަކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި ހަތަރުވަނަ މައްސަލަ ނިމުނު ގޮތާމެދު ހިތްހަމަ ނުޖެހިގެން މުޙައްމަދު ޢަޒުމީގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލައިގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ޙަވާލާދީ ބަހުސުކޮށްފައި ނުވުމަކީ ކަޕޫރުﷲ މައްސަލައިގައި ކަނޑައަޅާފައިވާ (ބަޔާންކުރެވުނު) އުޞޫލާއި ޚިލާފު ކަމެއް ހެއްޔެވެ؟

47ކުރިންވެސް ފާހަގަކޮށްފައިވާ ފަދައިން ޕާރލް ކޮންސްޓްރަކްޝަނުން ސިވިލް ކޯޓަށް ހުށަހެޅި ހަތަރުވަނަ މައްސަލައިގެ މައުޟޫޢަކީވެސް އެއްބަސްވުމާއި ޚިލާފުވުމުގެ ސަބަބުން ބަދަލު ހޯދުމެވެ. އެ މައުޟޫޢުގައި ހުށަހެޅި ހަތަރުވަނަ މައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ މުޙައްމަދު ޢަޒުމީގެ ފަރާތުން ކަމުގައިވެފައި، އެ އިސްތިއުނާފުގެ މައިގަނޑު ނުކުތާއަކީ ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން އަލުން މައްސަލަ ހުށަހެޅުމަށް ފުރުޞަތު ލިބިދީފައި އޮތުމަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމަށް ފުރުޞަތުދިނުން ކަމުގައި ބުނެ ކަމުގައި ވުމުން، ހައިކޯޓުގައި ހިނގާދިޔަ އިސްތިއުނާފުގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ނުވަތަ ގެއްލުމުގެ ބަދަލުގެ މައްޗަށް ބަހުސްކޮށްފައި ނެތުމަކީ، އެ ސަބަބަށްޓަކައި ކަޕޫރުﷲ މައްސަލައިގައި ކަނޑައަޅާފައިވާ އުޞޫލު ތަޠުބީޤުކޮށް، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ކުރިން ކުރިމަތިކޮށްފައިނުވާ ބަހުސެއް ކުރިމަތިކުރަނީ ކަމުގައި ބެލުމުގެ ފުރުޞަތު އޮތް ކަމެއް ކަމުގައި ކަނޑައަޅަން އަހުރެންނަށް ދައްޗެވެ. އެހެނީ އެއީ ދަށުކޯޓުގައި އެ ބިނާގެ މައްޗަށް ދަޢުވާކޮށް، އެކަމުގެ މައްޗަށް ބަހުސްކޮށްފައިވާ ނުކުތާއެއް ކަމުގައިވާތީއެވެ.

48HN8އެހެންކަމުން، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާ ބަލަގަންނަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ. އެހެންނަމަވެސް، އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް [SC 111] މައްސަލައިގައި އަހުރެން ބަޔާންކޮށްފައިވާ ފަދައިން، ކުރެވޭ މުޢާމަލާތެއްގެ ތެރެއިން އުފެދޭ ޙައްޤަކީ އޭގެ ޒާތުގައި ނެތިދާ އެއްޗެއް ކަމުގައި ނުވިނަމަވެސް، މުޢާމަލާތެއްގެ ތެރެއިން އުފަންވާ ޙައްޤުތަކަކީ، އެ މުޢާމަލާތެއްގެ ދަށުން ދެފަރާތް އެއްބަސްވެފައިވާ ފަދައިން ލިބިދެވޭ، އަދި މުޢާމަލާތުގެ ބާވަތުން، އެ ޙައްޤު(ތަކު)ގެ މައްޗަށް އެކި ޤާނޫނީ އުޞޫލު ހިނގާ ކަންކަމެވެ.

49މި މައްސަލައަށް ބަލާއިރު، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ފަދައިން އެ ކުންފުންޏާއި އަލްމަރްޙޫމް މޫސާ ޢަލީދީދީއާމެދު ވެފައިވާ އެއްބަސްވުމާއި އަލްމަރްޙޫމް މޫސާ ޢަލީދީދީގެ ފަރާތުން ނުވަތަ އޭނާ ނިޔައުވުމަށްފަހު، އޭނާގެ ވާރިސުންގެ ފަރާތުން ޚިލާފުވެފައިވާނަމަ، ޕާރލް ކޮންސްޓްރަކްޝަނަށް ބަދަލު ލިބިދިނުމުގެ ފުރުޞަތު އޮވެއެވެ. އެހެންނަމަވެސް، އެފަދަ ބަދަލެއް ލިބިދެވޭނީ އެއްބަސްވުމާއި ޚިލާފުވެފައިވާކަން ކަނޑައެޅިގެން ދިއުމަށް ފަހުގައެވެ. މި މައްސަލަ ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅިއިރު ބަދަލުގެ ގޮތުގައި ވަކި ކަންކަމަކާއި ގުޅުވާ ވަކި މިންވަރުތަކަކަށް ޙަވާލާދީފައިވާ ނަމަވެސް، މައްސަލައިގެ މައުޟޫޢަށް ގޮތެއް ކަނޑައެޅުމުގެ ފުރުޞަތު ލިބިފައި ނުވެއެވެ. އަދި އެފަދައިން ކަން މެދުވެރިވެފައިވަނީ ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ޢަމަލުކޮށްފައިވާ ގޮތުންނެވެ.

50އެހެންކަމުން، ޕާރލް ކޮންސްޓްރަކްޝަން އާއި އަލްމަރްޙޫމް މޫސާ ޢަލީދީދީއާމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ އެއްބަސްވުމާއި ޚިލާފުވެއްޖެ ކަމުގައި ކަނޑައެޅޭ ޙާލަތުގައި، ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ޕާރލް ކޮންސްޓްރަކްޝަންއަށް ގެއްލުމުގެ ބަދަލު ލިބުމުގެ ޙައްޤެއް އުފަންވާ ކަމުގައި ބެލި ނަމަވެސް، ޙައްޤު ލިބިގަތުމަށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން މަސައްކަތްކުރުމުގެ ތެރޭގައި ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލުތަކެއް (ގަސްދުގައި ނުވަތަ ނުއެނގުމެއްގެ ތެރޭގައި ނަމަވެސް) ހިންގާފައިވާކަމަށް ބުރަވެވޭތީ، އެ ޙައްޤު ތަންފީޒުކުރުމަށް ހުރަސްތަކެއް ހުރިކަމުގައި އަހުރެން ދެކެމެވެ. އެއީ، އެ ޙައްޤުގެ މައްޗަށް ބަޔާންކުރެވުނު ޤާނޫނީ އުޞޫލު ހިނގާތީއެވެ. އަދި މީގެ ނަތީޖާއަކީ ޕާރލް ކޮންސްޓްރަކްޝަންއަށް ލިބިދޭ ޤާނޫނީ ޙައްލު ހޯދުމުގެ މަގު ބަންދުވެގެން ދިއުން ކަމުގައިވާއިރު، ހައިކޯޓުގެ ނިންމުމަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ދޮރު ބަންދުކުރުމަށްޓަކައި ނިންމާފައިވާ ނިންމުމެއްކަމުން، ހުށަހަޅާފައިވާ މި އިސްތިއުނާފީ ނުކުތާއަށް ބަރޯސާވެ، ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާއި ފުށުއަރާ ނިންމުމެއްކަމުގައި ކަނޑައެޅުމުގެ ޖާގައެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ތިންވަނަ އިސްތިއުނާފީ ނުކުތާ

51ފަނޑިޔާރުންގެ ނިންމުންތަކަކީ ޤާނޫނުއަސާސީ އަދި ޤާނޫނުތަކުގެ ތަރަހައިގެ ތެރެއިން ނިންމަންޖެހޭ ނިންމުންތަކެއް ކަމުގައިވާއިރު، ހައިކޯޓުގެ ނިންމުމުގައި ޤާނޫނީ އެއްވެސް ނައްސަކާ ސީދާ ޙަވާލާދީފައި ނުވުމުންނާއި ހައިކޯޓުގެ ނިންމުން ނިންމާފައިވަނީ ދަށުކޯޓަށް ހުށަހެޅުނު ދަޢުވާގެ ޢަދަދުގެ މައްޗަށް ކަމުގައިވުމުން، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 142 ވަނަ މާއްދާ އަދި ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައިވެއެވ. އެ ނުކުތާގެ ތަފްސީލުގައި، ދިވެހިރާއްޖޭގައި ފަނޑިޔާރުން ޙުކުމްކުރަންޖެހޭނީ ޙުކުމް އެ މައްޗަށް ބިނާވާ އުޞޫލު ބަޔާންކޮށްފައިވާ ޤާނޫނީ ނައްސަކަށް ސީދާ ޙަވާލާދީގެން ކަމުގައާއި، އެނޫންގޮތަކަށް ޙުކުމްކުރާނަމަ، ޤާނޫނުތަކުގެ ބޭރުން ކަންކަން ނިންމުމުގެ ފުރުޞަތު ފަހިވެގެންދާކަމުގައާއި، މިކަމަށް ސުޕްރީމް ކޯޓުގެ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް 1120 [2021] SC 42 މައްސަލައިގައި ޙަވާލާދީފައިވާކަމަށްވެސް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެއެވެ.

52އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި މުޙައްމަދު ޢަޒުމީގެ ފަރާތުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ 15 ވަނަ ނުކުތާގައި ކޯޓުތައް އުފައްދަންޖެހޭ މަޤްޞަދާއި، ރޫހާ ޚިލާފަށް އަދި ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފާކަން އެނގޭ ސަބަބުތަކެއް ފާޅުކަން ބޮޑު ގޮތެއްގައި ފެންނަން ހުރިނަމަ އެފަދަ ކަންކަން ހުއްޓުވުމަކީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ބާރު ލިބިފައިވާ ކޯޓުތަކާއި މަތިކޮށްފައިވާ ޒިންމާއެއް އަދި މަސްޢޫލިއްޔަތެއް ކަމުގައާއި، ޤާނޫނީ އަސާސެއްގެ ގޮތުގައި ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި އެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހައިކޯޓުން ޙަވާލާދީފައިވާ ކަމަށެވެ.

53HN9ތެދެކެވެ. ޤާނޫނުއަސާސީގެ 142 ވަނަ މާއްދާއިން ފަނޑިޔާރުން ޢަމަލުކުރަންޖެހޭނީ ޤާނޫނުއަސާސީ އާއި ޤާނޫނަށް ކަމުގައި ކަނޑައަޅާފައިވެއެވެ. މިކަން ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ

(ހ) ގައި ތަކުރާރުކޮށް، އެ މާއްދާގެ (ށ) ގައި އޭގެ ކޮންމެވެސް މިންވަރެއްގެ ތަފްސީލު ހިމަނާފައިވެސްވެއެވެ.

54މި ނުކުތާއާ ގުޅިގެން މި ކޯޓުން ބަލަންޖެހެނީ އިސްތިއުނާފުކޮށްފައިވާ މައްސަލައިގެ ގޮތް ކަނޑައެޅުމުގައި ހައިކޯޓުން ޢަމަލުކޮށްފައިވަނީ އެ އަސާސީ އުޞޫލާ ޚިލާފަށްކަން ނުވަތަ ނޫންކަމެވެ.

55މުޙައްމަދު ޢަޒުމީގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ 15 ވަނަ ނުކުތާއަށް ޙަވާލާދީފައިވާ ހިނދު، ހައިކޯޓުގެ ނިންމުމުގެ 14 ވަނަ ޕެރެގްރާފުގައި ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤުތަކަކީ މުޠުލަޤު ޙައްޤުތަކެއް ނޫންކަން ފާހަގަކޮށް، ޙައްޤުތަކުގެ އިންތަކެއް ހުންނަކަމާއި، ޙައްޤުތަކަކީ އެހެން ފަރާތްތަކަށް ގެއްލުމެއް ދޭން ބޭނުންކުރާ އެއްޗެއްނަމަ، އެކަންކަން ހުއްޓުވަންޖެހޭކަން ފާހަގަކޮށް، ކޮންމެ މީހަކަށްމެ މައްސަލައެއް ޝަރީޢަތަށް ހުށަހެޅުމުގެ ފުރުޞަތު އޮތްނަމަވެސް، އެއީ އިޖުރާއަތުތަކަކާއި ހަމަތަކެއް އެ މައްޗަށް ހިނގާ ކަންކަން ކަމުގައި ފާހަގަކޮށްފައިވެއެވެ. އަދި ކޯޓުތައް އުފެއްދުމުގެ މަޤްޞަދާއި، ޢަދުލުއިންސާފު ޤާއިމުކޮށްދިނުމުގެ ރޫޙާ އެއްގޮތްވާގޮތުގެ މަތިން ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމަށް މަސައްކަތްކުރާނަމަ އެކަން ކޯޓުތަކާއި މަތިކޮށްފައިވާ ޒިންމާއާ އެއްގޮތަށް ހުއްޓުވަން ޖެހޭކަމަށްވެސް ބަޔާންކޮށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) އާއި (ށ) އަދި 48 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ހައިކޯޓުގެ ނިންމުމުގެ 15 ވަނަ ޕެރެގްރާފުގައި ޙަވާލާދީފައިވެއެވެ. މީގެ އިތުރުން، ހައިކޯޓުގެ ނިންމުމުގެ 16 ވަނަ ޕެރެގްރާފުގައި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 33 ވަނަ މާއްދާގެ (ބ) އަށް ޙަވާލާދީ، ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ދޮރުތައް ބަންދުކޮށް އެފަދަ ޢަމަލުތައް ހުއްޓުވުމަކީ ޢަދުލުއިންސާފު ޤާއިމުކުރުމަށްޓަކައި ކޯޓުތަކުން ކުރަންޖެހޭ ކަމެއްކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފާ ގުޅިގެން މައްސަލައިގެ ފަސްފަހަތަށް އަދި ކަން ހިނގާފައިވާގޮތަށް ނަޒަރުކުރުމަށްފަހު، ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލުތަކެއް ދެމެހެއްޓުމަށާއި، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާއި އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު.

(ށ) މި ޤާނޫނާއި ހައިކޯޓުގެ ގަވާއިދުގައި ހިމެނޭ އުޞޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް، ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެމަތިން، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި، ނުވަތަ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ނެރެންޖެހޭ އެކިއެކި އަމުރު ނެރުމުގެ ބާރު.

(ނ) ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާއި ނުވަތަ ކަމަކާ ގުޅިގެން ހައިކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހުން، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުކުރުމުގެ ބާރު.

(ރ) ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ކަމެއްގެ ތެދު ޙަޤީޤަތް ހޯދުމަށްޓަކައި ބޭނުން ސުވާލެއް، ކޮންމެ ސިފައެއްގައިވިޔަސް، ކޮންމެ ވަގުތެއްގައިވިޔަސް، މައްސަލައާ ގުޅުންހުރި ކޮންމެ ހެކިވެރިއަކާ، ނުވަތަ ދެ ޚަޞްމުން ކުރެ ޚަޞްމަކާ ކުރުމުގެ ބާރު.

(ބ) ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅޭގޮތުން ހައިކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު. ކަމުގައި ކަނޑައަޅާފައިވެއެވެ. އެފަދައިން ހައިކޯޓުން ކަނޑައަޅާފައިވަނީ އެ ކޯޓުން ފާހަގަކޮށްފައިވާ އަސާސްތަކުގެ މައްޗަށް އަދި އެ އަސާސްތަކުން ޙަވާލާދޭ އުޞޫލުތައް ނެގެހެއްޓުމަށްޓަކައި ކަން ސާފެވެ.

56އެހެންކަމުން، ހައިކޯޓުގެ ނިންމުމަކީ ޤާނޫނީ ނައްސަކަށް ޙަވާލާދިނުމެއް ނެތި ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނާ ބުނުން ބަލައިގަންނަން ދައްޗެވެ. ހައިކޯޓުގެ ނިންމުން ބިނާވި އަސާސްތަކަކީ އެ ނިންމުމަށް ވާޞިލުވުމަށްޓަކައި ބޭނުންކުރުމަށް އެންމެ އެކަށޭނަ އަސާސްތަކަށް ނުވާނަމަ، އަދި އެކަމާމެދު ޤާނޫނީ ބަހުސެއް ހުށަހަޅާފައި އޮތްނަމަ، އެކަމުގެ މައްޗަށް އަހުރެން އެއްޗެއް ބުނުމުގެ ފުރުޞަތު އޮތްހިނދު، އެ ނިންމުމަކީ ޤާނޫނީ ނައްސަކާ ޙަވާލާދިނުމެއް ނެތި، ނިންމާފައިވާ ނިންމުމެއްކަމުގައި ބުނެ ހުށަހަޅާފައިވާ ހުށަހެޅުމަކީ (މި ރައުޔުގެ 55 ވަނަ ޕެރެގްރާފްގައި) އިސްވެ ފާހަގަކޮށްފައިވާ ސަބަބުތަކަށްޓަކައި ބަލައިގަނެވޭނެ ހުށަހެޅުމެއް ކަމުގައި އަހުރެން ނުދެކެމެވެ.

ހަތަރުވަނަ އިސްތިއުނާފީ ނުކުތާ

57ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ހަތަރުވަނަ އިސްތިއުނާފީ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޙައްމަދު ޢަޒުމީއަށް ނުޙައްޤު އެތަކެއް މަންފާތަކެއް ލިބިގެންގޮސްފައިވާ ކަމެއް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެކެވެ. އެއިގެ ތަފްސީލުގައި، އިސްތިއުނާފު ރައްދުވާ މުޙައްމަދު ޢަޒުމީއަކީ ޕާރލް ކޮންސްޓްރަކްޝަންއާއި އެ ކުންފުނީގެ ހިއްސާދާރުންގެ މައްޗަށާއި، އެ ހިއްސާދާރުން ހިމެނޭ އެހެން ކުންފުނިތަކުގެ މައްޗަށް ރައްދުވާގޮތަށް ދަށު ކޯޓުގައި ގިނަ މައްސަލަތަކެއް ހުށަހަޅައިގެން ކުރިއަށް ގެންދާ ފަރާތެއް ކަމުގައާއި، އޭގެ ތެރޭގައި މި ޚުޞޫމާތުގައި ހިމެނޭ ހުޅުމާލެ ލޮޓް ނަންބަރު 10809 އާގުޅޭ ދަޢުވާތަކެއްވެސް ހިމެނޭކަން ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. އަދި ސުޕްރީމް ކޯޓުގައިވެސް އެ ދެފަރާތް ހިމެނޭ މައްސަލައެއް ހިނގާކަމުގައި ބަޔާންކޮށް، އެ މައްސަލަތައް ކުރިއަށް ދަނިކޮށް، ޕާރލް ކޮންސްޓްރަކްޝަންއަށް ލިބެންޖެހޭ އެތަކެއް މިލިއަން ރުފިޔާއެއް ލިބުމަށް އޮތް މަގު ބަންދުވާގޮތަށް ހައިކޯޓުން ޙުކުމްކުރުމަކީ މުޙައްމަދު ޢަޒުމީއަށް ނުޙައްޤު މުއްސަދިކަމެއް ލިބިގެން ދިއުންކަމުގައާއި، ޢަދުލުއިންސާފުގެ ނަހަމަ ބޭނުންހިފުމާއި ދަޢުވާކުރުމުގެ ޙައްޤު މިނެކިރައި، އިސްކަންދޭންޖެހޭނީ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ ދަޢުވާކުރުމުގެ ޙައްޤަށް ކަމަށާއި، އެނޫންގޮތަކަށް ޢަމަލުކުރުމަކީ ޢަދުލުއިންސާފާއި ބީރައްޓެހި ގޮތެއްކަމުގައިވެސް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ބުނެއެވެ.

58މި އިސްތިއުނާފީ ނުކުތާގެ ރައްދުގައި މުޙައްމަދު ޢަޒުމީގެ ފަރާތުން ބުނެފައިވަނީ އެ ނުކުތާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުޙަލާގައި އެ ފަރާތުން ފާހަގަކޮށްފައިވާ ނުކުތާއެއް ކަމުގައި ނުވާތީ، އެ ނުކުތާ ބަލައިގަންނަން ނުޖެހޭ ކަމަށެވެ. އަދި އެ ނުކުތާ ބަލައިގަންނަން ކޯޓުން ނިންމައިފިނަމަ، ޕާރލް ކޮންސްޓްރަކްޝަން އަކީ ޤާނޫނު ނަންބަރު 10/96 (ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީ ކުރެވި، އެ ކުންފުނީގެ މެންބަރުންނާ ވަކިން އުފެދިފައިވާ ޤާނޫނީ ޝަޙްސެއް ކަމަށާއި، އެ ފަރާތުގެ ހިއްސާދާރުންގެ މައްޗަށް އެހެން މައުޟޫޢުތަކުގައި ދަޢުވާކުރުމަކީ މި މައްސަލައިގެ މައުޟޫޢާ ގުޅުންހުރި ކަމެއް ނޫންކަމަށާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ މައްސަލައިގެ މައުޟޫޢަކީ ތަފާތު މައުޟޫޢެއް ކަމާއި، އެ މައްސަލައާ މި މައްސަލައިގެ މައުޟޫޢަކީ އެއް މައުޟޫޢެއް ކަމަށް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ބަޔާންކުރަމުންދަނީ މައްސަލަތައް މަސްހުނިކޮށް، ޝަރީޢަތަށް އިންސާފު ޤާއިމުކުރުމަށް އުނދަގޫކުރަން ކަމަށް ބުނެ، މުޙައްމަދު ޢަޒުމީގެ ފަރާތުން ރައްދު ހުށަހަޅާފައިވެއެވ.

59މި އިސްތިއުނާފީ ނުކުތާއަށް ބަލާއިރު، އިސްތިއުނާފީ ނުކުތާގައި ފާހަގަކޮށްފައިވާ ފަދައިން ހައިކޯޓުގެ ނިންމުމުގެ ސަބަބުން މުޙައްމަދު ޢަޒުމީއަށް ނުޙައްޤު މުއްސަދިކަމެއް ލިބިގެން ދާކަމަށް ބުނާ ބުނުމަކީ އެ ނިންމުމުގެ އާޚިރު ނަތީޖާ ކަމުގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ފާހަގަކުރާހިނދު، އެ ކުންފުނިން އެފަދައިން ފާހަގަކޮށްފައިވަނީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމާއި ދަޢުވާކުރުމުގެ ޙައްޤު މިނެކިރަންޖެހޭނެ ކަމުގައި ބުނެ ކަމުން، އެ (ނުޙައްޤު މުއްސަދިކަމުގެ) ނަތީޖާއަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލުގެ ސަބަބުން އުފަންވި ނަތީޖާއެއްކަން ޕާރލް ކޮންސްޓްރަކްޝަންއަށް އެނގޭކަމާއި، އެހެންކަމުން، އެ ކުންފުނިން ހުށަހަޅަނީ އެ ކަންކަމަކީ ދަޢުވާކުރުމުގެ ޙައްޤާއި މިނެކިރައި ދަޢުވާކުރުމުގެ ޙައްޤުގެ ސަބަބުން އެ ކުންފުންޏަށް އެ ދޮރު ހުޅުވިގެން ދިއުން ކަމުގައި އަހުރެންނަށް ދޭހަވެއެވެ.

60އެހެންކަމުން، ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި (ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމާއި ދަޢުވާކުރުމުގެ ޙައްޤާއި ގުޅިގެން) އަހުރެން ފާހަގަކޮށްފައިވާ ކަންކަން އަދި ސަބަބުތައް އެހެން ހުރުމާއެކު، މި ނުކުތާގައި އިތުރު ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ނުދެކެމެވެ.

ނިންމަން ފެންނަ ގޮތް

61ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އަހުރެން ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި ހައިކޯޓުގެ ނަންބަރު 2021/HC-A/15 ޤަޞިއްޔާގެ ނިންމުން ބާޠިލުކުރަންޖެހޭ އެކަށޭނަ ޤާނޫނީ ސަބަބެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

62މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

63މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެގޮތުގެ މަތިން ހުރުމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/15 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ބަލާނެ ތަނެއް ނެތް ކަމުގައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ރަޖިސްޓްރީ ނަންބަރު C-0411/2008
  2. ނަންބަރު HDC/LDS/10/670 "ހުޅުމާލޭން ގޯތި ވިއްކުމުގެ އެއްބަސްވުން" (12 އެޕްރީލް 2010 ) އެއްބަސްވުން (ސިވިލް ކޯޓުގެ ނަންބަރު 51/Cv-C-HD/2019 ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ޞަފްޙާ 56-29)
  3. ސިވިލް ކޯޓުގެ ނަންބަރު 464/Cv-C/2018 ޤަޝިއްޔާގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ޚުލާޞާ ބަޔާން. (ސިވިލް ކޯޓުގެ ނަންބަރު 464/Cv-C/2018 ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ޞަފްޙާ 20-18)
  4. ކޮންޓްރެކްޓް ނަންބަރު 116-INIA/F4/MIS/2013/129 "ލީސް ކޮންޓްރެކްޓް - ހުޅުމާލެ ލޮޓް ނަންބަރު 10809" 06 ޖަނަވަރީ 2013 (ސިވިލް ކޯޓުގެ ނަންބަރު 464/Cv-C/2018 ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ޞަފްޙާ 108-95)
  5. ސިވިލް ކޯޓުގެ ނަންބަރު 464/Cv-C/2018 ޤަޝިއްޔާގައި ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހުށަހަޅާފައިވާ ޚުލާޞާ ބަޔާން. (ސިވިލް ކޯޓުގެ ނަންބަރު 464/Cv-C/2018 ޤަޝިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ޞަފްޙާ 20-18)
  6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި 27 މޭ 2025 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ޕާރލް ކޮންސްޓްރަކްޝަންގެ ވަކީލް އަލްޢުސްރޯލް މުޙައްމަދު ފައިސަލް ދެއްވާފައިވާ ބަޔާން (ޞަފްޙާ 21 ގެ 5)
  7. އބމ 8
  8. ސިވިލް ކޯޓުގެ ނަންބަރު 1818/Cv-C/2016 ޤަސިއްޔާ (ފުރަތަމަ ގަސިއްޔާ) އާއި، ސިވިލް ކޯޓުގެ ނަންބަރު 1364/Cv-C/2017 ޤަސިއްޔާ (ދެވަނަ ގަސިއްޔާ) އާއި، ސިވިލް ކޯޓުގެ ނަންބަރު 464/Cv-C/2018 ޤަސިއްޔާ (ތިންވަނަ ގަސިއްޔާ) ގެ ދަޢުވާ ފޯމުތަކަށް ބެލުމުން، އެއިން ކޮންމެ މައްސަލައެއްގައިވެސް ޕާރލް ކޮންސްޓްރަކްޝަންގެ ފަރާތުން ހޯދުމަށް އެދިފައިވާ ޖުމްލަ އަދަދަކީ 6,839,639.58ރ. (ހަމިލިއަން އަށްސަތޭކަ ތިރީސް ނުވަހާސް ހަސަތޭކަ ނުވަރުފިޔާ ފަންސާސް އަށްލާރި) ކަން އެނގެން އޮވެއެވެ.
  9. ޕާރލް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑުން 19 އޮކްޓޫބަރު 2020 ގައި ސިވިލް ކޯޓަށް ފޮނުވާފައިވާ ސިޓީ (ސިވިލް ކޯޓުގެ ނުވަނަ ނަންބަރު 464/Cv-C/2018 ޤަސިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ޞަފްޙާ 201)
  10. ޕާރލް ކޮންސްޓްރަކްޝަން ޕަރައިވެޓް ލިމިޓެޑުން 09 ނޮވެމްބަރު 2020 ގައި ސިވިލް ކޯޓަށް ފޮނުވާފައިވާ ސިޓީ (ސިވިލް ކޯޓުގެ ންބަރ 164/Cv-C/2018 ޤަސިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ ސޮފްޓް ކޮޕީގެ ޞަފްޙާ 202)
  11. ސުޕްރީމް ކޯޓުގެ ނަންބަރު 2020/SC-A/112 ޤަޟިއްޔާ، 42 ވަނަ ޕެރެގްރާފް
  12. އބމ 13
  13. Attorney General v Barker [2000] EWHC 453 (Admin)
  14. ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޖެޑް ވ. ޙޯލްޑިވިސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގޮގެ ނަންޢުނީ 2016/SC-A/25 ޤަޝިއްޔާ) އަދި އަޙްމަދު މުޖާހިދު އާއި ޙުސައިން ސަމީރު ވ. މުޙައްމަދު ޝާން [2022] SC 83 (ދިވެހިރާއްޖޭގެ ސަފާރިމާ ކޯޓުގެ ނަންބަރު 2021/SC-A/90 ޤަޝިއްޔާ)
  15. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/46 ޤަޟިއްޔާ
  16. އބމ 18ޖަގެ ޕެރެގްރާފް 32.
  17. އބމ 18 ގެ ޕެރެގްރާފް 33.
  18. ޤާނޫނު ރަޖުޢީކޮށް ތަތުބީޤުކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ގިނަ ޤަޝިއްޔާތަކެއް ނިންމާފައިވެއެވެ. އޭގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޢަބްދުﷲ ޝާކިރު އާއި އިތުރު 9 ފަރާތެއް [2024] SC24 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/72 ޤާޝިއްޔާ) އަދި ޖުލައިޚާ ހާފީޗާ ވ. މޯލްޑިވެސް އިންލަންޑް ރެވެނިއު އޮތޯރިޓީ ( ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/12 ޤަޝިއްޔާ ފަދަ މައްސަލަތައް ހިމެނެއެވެ.
  19. އބމ 18 ގައި ބޭނުންކޮށްފައިވާ ޓެސްޓަކީ Cables Liverpool Victoria Insurance Co Ltd [2020] EWCA Civ 1015 މައްސަލައިގައި ބޭނުންކޮށްފައިވާ ޓެސްޓެވެ.
  20. ސިވިލް ކޯޓުގެ ނަންބަރު 1818/Cv-C/2016 ޤަޟިއްޔާ (ޚުލާސާއެއް މި މައްސަލައިގެ ޕެރެގްރާފް 4 އަދި 5 ގައި ހިމަނާފައި). މި މައްސަލަ ނިންމާފައިވަނީ 27 މާރޗް 2017 ގައެވެ.
  21. ސިވިލް ކޯޓުގެ ނަންބަރު 1364/Cv-C/2017 ޤަޟިއްޔާ (ޚުލާސާއެއް މި މައްސަލައިގެ ޕެރެގްރާފް 6 އަދި 7 ގައި ހިމަނާފައި). މި މައްސަލަ ނިންމާފައިވަނީ 14 ނޮވެމްބަރު 2017 ގައެވެ.
  22. ސިވިލް ކޯޓުގެ ނަންބަރު 464/Cv-C/2018 ޤަޟިއްޔާ (ޚުލާސާއެއް މި މައްސަލައިގެ ޕެރެގްރާފް 8 އަދި 9 ގައި ހިމަނާފައި). މި މައްސަލަ ނިންމާފައިވަނީ 21 އޭޕްރީލް 2019 ގައެވެ.
  23. ސިވިލް ކޯޓުގެ ނަންބަރު 124/Cv-C-HD/2020 ޤަޟިއްޔާ (ޚުލާސާއެއް މި މައްސަލައިގެ ޕެރެގްރާފް 10 އިން 13 މައްސަލަ ނިންމާފައިވަނީ 15 ނޮވެމްބަރު 2020 ގައެވެ.
  24. ހައިކޯޓުގެ ނަންބަރު 2018/HC-A/51 (ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސ ޕްރައިވެޓް ލިމިޓެޑް ވ. ޝަރޫ ލޯންޗް ސަރވިސަސް ޕވޓ ލޓޑ) ޤަޟިއްޔާގެ 3 ވަނަ ނަންބަރުގެ (ނ) އަދި (ރ) ]ސަފުހާ 8[ ގައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއިން ލިބިދޭ ޢަދުލުވެރިކަމާއި ހާމަކަމާއެކު ޝަރީޢަތް ކުރެވުމުގެ ޙައްޤަކީ އެހެން ޙައްޤުތަކެކޭ އެއްފަދައިން އިމެއްނެތި ބޭނުންކުރެވޭގޮތަށ އޮންން މުޠުލަޤު ޙައްޤެއް ނޫންކަމުގައި ބަޔާންކުރުމަށްފަހު، އެ ޙައްޤުގެ ބޭނުން ހިފުމުގައި ނަހަމަ ގޮތުގައި އެހެން ފަރާތަކަށް ގެއްލުމެއްދޭކަމަށް ބެލެވޭނަމަ، އެފަދަ ކަންކަން ޤާނޫނީ އިމުގެ ތެރެއިން ހުއްޓުވަންޖެހޭ ކަމުގައި ބަޔާންކޮށްފައިވެއެވެ.
  25. އބމ 18
  26. Grovit and Others v. Doctor and Others [1997] UKHL 13; [1997] 1 All ER 417; [1997] 1 WLR 640
  27. Arbuthnot Latham Bank Limited; Nordbanken London Branch v Trafalgar Holdings Limited; Peter
  28. Alibrahim v Asturion Foundation [2020] EWCA Civ 32
  29. ސިވިލް ކޯޓުގެ ނަންބަރު 1818/Cv-C/2016 ޤަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު 1364/Cv-C/2017 ޤަޟިއްޔާ
  30. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ނަންބަރު 2019/SC-A/15 ޤަޝިއްޔާ
  31. އިބްރާހީމް ޢަބްދުއްލަޠީފް ވ. އޯނަސް ޕްރައިވެޓް ލިމިޓެޑް [2021] SC 18 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ނަންބަރު 2019/SC-A/15 ޤަޝިއްޔާ) ގެ ޕެރެގްރާފް 74 އަދި 75
  32. އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕަރްއިވެޓް ލިމިޓެޑް [2021] SC 111 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ނަންބަރު 2020/SC-A/112 ޤަޝިއްޔާ) ގެ ޕެރެގްރާފް 51.2
  33. އުރީދޫ މޯލްޑިވްސް ޕަބްލިކް ލިމިޓެޑް ވ. އަމީން ކޮންސްޓްރަކްޝަން ޕަރްއިވެޓް ލިމިޓެޑް [2021] SC 111 (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގް ނަންބަރު 2020/SC-A/112 ޤަޝިއްޔާ) ގެ ޕެރެގްރާފް 52
  34. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57
  35. ސިވިލް ކޯޓުގެ ނަންބަރު 1818/Cv-C/2016 ޤަޟިއްޔާ އާއި، ސިވިލް ކޯޓުގެ ނަންބަރު 1364/Cv-C/2017 ޤަޟިއްޔާ އާއި، ސިވިލް ކޯޓުގެ ނަންބަރު 464/Cv-C/2018 ގަޟިއްޔާ އަދި ސިވިލް ކޯޓުގެ ނަންބަރު 124/Cv-C-HD/2020 ގަޟިއްޔާ.
  36. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/57 ޤަޟިއްޔާ
  37. އަބަ 13، ޕެރެގްރާފް 42
  38. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 22 ވަނަ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ. ޤާނޫނުއަސާސީއިން ސުޕްރީމްކޯޓަށް ދީފައިވާ ބާރުތަކުގެ އިތުރުންނާއި މި ޤާނޫނުގެ އެހެން މާއްދާތަކުން އެ ކޯޓަށްދީފައިވާ އިޚްތިޞާޞްގެ އިތުރުން، އަންނަނިވި ކަންކަން ކުރުމުގެ އިޚްތިޞާޞްވެސް އެ ކޯޓަށް ލިބިގެންވެއެވެ. (ހ) ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން މި ޤާނޫނާއި ސުޕްރީމްކޯޓުގެ ގަވާއިދުގެ ދަށުން ކުރަންޖެހޭ އެންމެހައި އަމުރުތައް ކުރުމާއި، އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޢަދުލު އިންޞާފު ޤާއިމުކޮށް ދެމެހެއްޓުމަށާއި، ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށާއި އަދި ޢަދުލު އިންޞާފުގެ ނިޒާމުގެ އިތުބާރު ދެމެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ބާރު. (ށ) މި ޤާނޫނާއި ސުޕްރީމްކޯޓުގެ ގަވާއިދުގައި ހިމެނޭ އުޞޫލުތަކާ އެއްވެސް ފަރާތަކުން ޚިލާފުވެއްޖެނަމަ، ކޯޓުގެ އަމިއްލަ އިސްނެގުމަކަށް ނުވަތަ މައްސަލައިގައި ހިމެނޭ ފަރާތެއްގެ އެދުމުގެމަތިން، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި، ނުވަތަ ޢަދުލު އިންޞާފުގެ ނިޒާމުގެ ބޭނުން ނަހަމަގޮތުގައި ހިފިޔަނުދިނުމަށްޓަކައި ޤާނޫނާއެއްގޮތްވާ ގޮތުގެމަތިން، ނެރެންޖެހޭ އެކިއެކި އަމުރު ނެރުމުގެ ބާރު. (ނ) ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާ ގުޅިގެން ސުޕްރީމްކޯޓަށް ހާޒިރުކުރަން ބޭނުންވާ މީހުން، ޤާނޫނާއި ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިން، ހާޒިރުކުރުމުގެ ބާރު. (ރ) ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ކަމެއްގެ ތެދު ޙަޤީޤަތް ހޯދުމަށްޓަކައި، ބޭނުން ސުވާލެއް، ކޮންމެ ސިފައެއްގައިވިޔަސް، ކޮންމެ ވަގުތެއްގައިވިޔަސް، މައްސަލައާ ގުޅުންހުރި ކޮންމެ ހެކިވެރިއަކާ، ނުވަތަ ދެ ޚަޞްމުން ކުރެ ޚަޞްމަކާ ކުރުމުގެ ބާރު. (ބ) ސުޕްރީމްކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ސުޕްރީމްކޯޓަށް ފެންނަ ކޮންމެ ލިޔުމެއް ހުށަހެޅުމަށް އަމުރުކުރުމުގެ ބާރު.
  39. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 48 ވަނަ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ. ޤާނޫނުން ހައިކޯޓަށް ދީފައިވާ ބާރުތަކުގެ އިތުރުންނާއި މި ޤާނޫނުގެ އެހެން މާއްދާތަކުން އެ ކޯޓަށް ދީފައިވާ އިޚްތިޞާޞްގެ އިތުރުން، އަންނަނިވި ކަންކަން ކުރުމުގެ އިޚްތިޞާޞްވެސް އެ ކޯޓަށް ލިބިގެންވެއެވެ. (ހ) ހައިކޯޓަށް ހުށަހެޅިފައިވާ މައްސަލައަކާ ނުވަތަ ކަމަކާގުޅޭ ގޮތުން މި ޤާނޫނާއި ހައިކޯޓުގެ ގަވާއިދުގެ ދަށުން އެންމެހައި އަމުރުތައް ކުރުމާއި، އަދި އެފަދަ މައްސަލަތަކާ ނުވަތަ ކަމަކާގުޅޭ ގޮތުން ޢަދުލު އިންޞާފު
  40. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 33 ވަނަ މާއްދާގައި އޮންނަނީ އަންނަނިވި ފަދައިންނެވެ. (ހ) ހައިކޯޓަށް މައްސަލައެއް ބަލައިގަތުމަށްފަހު މައްސަލައިގެ ހުރިހާ ލިޔުންތައް ފޮނުވައިދިނުމަށް ދަށު ކޯޓުގައި އެދެންވާނެއެވެ. އަދި މިގޮތަށް ހައިކޯޓުން އެދުމުން މާލޭގެ ކޯޓުތަކުންނަމަ، ގިނަވެގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި، ރަށު ކޯޓަކުންނަމަ، ގިނަވެގެން 30 (ތިރީސް) ދުވަހުގެތެރޭގައި އެ ލިޔުންތައް ހައިކޯޓަށް ފޮނުވަންވާނެއެވެ. މައްސަލައަކީ އަވަސް ނިޔާ މައްސަލައެއްނަމަ، މި މުއްދަތު މިއަށްވުރެ އަވަސްކުރުމަށް ހައިކޯޓަށް އެންގިދާނެއެވެ. (ށ) އިސްތިއުނާފުކުރި މައްސަލައިގައި ދަށު ކޯޓުގެ ޙުކުމް ހައިކޯޓުން ބާޠިލުކޮށްފިހިނދެއްގައި، މައްސަލަ ނިންމުމަށްފަހު މައްސަލައާ ގުޅިގެން އެދިފައި ހުންނަ އެހެނިހެން ކަންތައްތަކުގައި ގޮތެއް ނިންމުމަށް ފޮނުވާނީ ކުރިން މައްސަލަ ނިންމި ދަށު ކޯޓަށެވެ. (ނ) މި މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން، ކުރިން މައްސަލަ ބެލި ދަށު ކޯޓަށް ހައިކޯޓުން ފޮނުވާ މައްސަލަތައް ބަލަންވާނީ އެ މައްސަލައެއްގައި ކުރިން ޙުކުމްކުރި ފަނޑިޔާރު ފިޔަވައި އެހެން ފަނޑިޔާރެކެވެ. (ރ) އިސްތިއުނާފު ކުރިއިރު ހުށަހެޅި ނުކުތާތައް ފިޔަވައި، އިސްތިއުނާފުކުރުމަށް ހުށަހެޅިފައިވާ މައްސަލައިގައި އާ ހުށަހެޅުންތަކެއް ހުށަހެޅި ކަމުގައިވީނަމަވެސް، އެ މައްސަލަ ހައިކޯޓުން ބެލުމުގައި އެ ނުކުތާތައް ބަލައިނުދެވޭނެކަމަށް ހައިކޯޓުގެ އިސްނެގުމުގައި ކަނޑައަޅަންވާނެއެވެ. (ބ) ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައަކީ މަކަރާއި ޙީލަތް ހެދުމުގެ ޤަޞްދުގައި ނުވަތަ އޮޅުވާލުމުގެ ޤަޞްދުގައި ނުވަތަ މީހަކަށް ލިބެންވާ ޙައްޤަކުން އެ ފަރާތް މަޙްރޫމުކުރުމުގެ ޤަޞްދުގައި ނުވަތަ އެ ޙައްޤެއް ލިބިދިނުމަށް ހުރަސްއެޅުމުގެ ޤަޞްދުގައި ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައަކަށްވާނަމަ، އެ މައްސަލަ އެގޮތަށް ހުށަހެޅުމުގެ ސަބަބުން ލިބިގެންވެއެވެ. ލިބޭ ފަރާތަށް ބަދަލުދިނުމަށް ޙުކުމްކުރުމުގެ އިޚްތިޔާރު ހައިކޯޓަށް ލިބިގެންވެއެވެ.
  41. ހައިކޯޓުގެ ނަންބަރު 2021/HC-A/15 ޤަސިއްޔާގެ ނިންމުމުގެ 19 އިން 22 ވަނަ ޕެރެގްރާފުގެ ނިޔަލަށް
  42. އބމ ގެ ނިންމުމުގެ 23 ވަނަ ޕެރެގްރާފް.
  43. މި ހިނގާ މައްސަލައަކީ ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/40 ޤަޟިއްޔާ ހުށަހަޅައި، އެ މައްސަލައިގެ އަޑުއެހުންތައް ނިމުނުފަހުން ހުށަހަޅާފައިވާ މައްސަލައެކެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/40 ޤަޟިއްޔާގެ ޙުކުމްކޮށްފައިވަނީ 13 މާރޗް 2024 ގައެވެ. މި ޤަޟިއްޔާގެ ސައިޓޭޝަން އަކީ ޕާރލް ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް ވ. މުޙައްމަދު ޢަޒުމީ SC 13 [2024] އެވެ.
  44. އބމ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ