އަޙްމަދު އަމީން (އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް) ވ. ދައުލަތް (މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސް)
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 33 2022/SC-A/46 ޝަރީޢަތް ނިމުނުގޮތް އަޙްމަދު އަމީން (އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް) ވ. ދައުލަތް (މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސް) ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފަނޑިޔާރު ޙުސްނުއް ސުޢޫދު ނިމުނު ތާރީޚު 08 ޖުލައި 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2022/HC-A/34 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް 1. މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ 2. މިނިސްޓްރީ އޮފް ފިނޭންސް އަޙްމަދު އަމީން، ބޯގަންވިލާ، ގއ. ވިލިނގިލި ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ސްޓޭޓް އެޓަރނީ ލޫތު މުޙައްމަދު
ސީނިއަރ ސްޓޭޓް އެޓަރނީ އީމާން މުޙައްމަދު ރަޝީދު މަރްޔަމް ޝުނާނާ، ޝުނާނާ އެންޑް ކޯ އެލް.އެލް.ޕީ
ވަގުތީ އަމުރާމެދު ނިންމިގޮތް މުރާޖައާ ކުރުމަށްފަހު އިސްތިއުނާފަށް ހުށަހެޅުން، އިޖުރާއަތު ނަހަމަ ބޭނުންހިފުން
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި) 1
ތަޢާރުފު 1
މައްސަލައިގައި ކަން ހިނގާދިޔަ ގޮތް 2
ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ނިންމިގޮތް 3
ހައިކޯޓުން މައްސަލަ ނިންމިގޮތް 4
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ 6
ވަގުތީ އަމުރެއް ހޯދުމަށް އެޅުނު ފިޔަވަޅުތައް 6
ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާކަން ކަނޑައަޅާނެ މިންގަނޑު 8
މި މައްސަލައިގައި ނިޒާމުގެ ނަހަމަ ބޭނުންކޮށްފައިވޭތޯ 14
މި މައްސަލައިގައި ހައިކޯޓުން އެޅީ އެކަށީގެންވާ ފިޔަވަޅެއްތޯ 16
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު 18
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 18
ޙުކުމް 19
` އަޙްމަދު އަމީން (އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް) ވ. ދައުލަތް (މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސް) [2024] SC 33 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1. ސިވިލް ކޯޓުގެ ނަންބަރު 4315/Cv-C/2021 ގަޒިއްޔާގައި ގއ. ވިލިނގިލި، ބޯގަންވިލާ، އަޙްމަދު އަމީންގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 144-B3-CR1/VN/2021/10 "ވަގުތީ އަމުރާމެދު ނިންމިގޮތް" ގައި އަޙްމަދު އަމީންގެ ފަރާތުން އެދުނު ގޮތަށް ވަގުތީ އަމުރެއް ނެރެދެވޭނެ ތަނެއް ނެތްކަމަށް ކަނޑައެޅުނެވެ. ބުނެވުނު "ވަގުތީ އަމުރާމެދު ނިންމިގޮތް" ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، އެ މައްސަލަ އެ ކޯޓުގައި މައުލޫއީ ގޮތުން ކުރިއަށް ގެންދެވެން ނެތްކަމަށް ހައިކޯޓުގެ ނަންބަރު 2022/HC-A/34 ގަޒިއްޔާއިން ނިންމިއެވެ.
2. މިއީ ހައިކޯޓުގެ ނަންބަރު 2022/HC-A/34 ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މި ކޯޓުން ބެލި މައްސަލައެވެ.
3. އަޙްމަދު އަމީން ދައުލަތުގެ ބީލަންތަކުގައި ބައިވެރިނުވެވޭ ގޮތަށް 6 (ހައެއް) މަސް ދުވަހަށް ސަސްޕެންޑް ކުރުމުން، އެ ސަސްޕެންޝަން ބާޠިލުކޮށްދިނުމަށް އެދި އޭރުގެ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށް އަޙްމަދު އަމީން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ.
4. ނަމަވެސް، މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުގައި ބޭއްވުމުގެ ކުރިން 6 (ހައެއް) މަސް ދުވަހުގެ ސަސްޕެންޝަންގެ މުއްދަތުވަނީ ފާއިތުވެފައެވެ. އަދި ސިވިލް ކޯޓުގައި ބަލަމުންދިޔަ އަސްލު މައުލޫއީ މައްސަލައިގެ ދަޢުވާވެސް އަޙްމަދު އަމީންގެ ފަރާތުންވަނީ އަނބުރާ ގެންގޮސްފައެވެ.
5. އަޙްމަދު އަމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މި އިސްތިއުނާފު އަނބުރާ ނުގެންދިޔުމުން، ސުޕްރީމް ކޯޓުގައި މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުނުއިރުވެސް މައްސަލައިގެ މުއާލާތް ވަނީ ކެނޑިފައެވެ.
6. މައްސަލަ ކުރިއަށް ގެންދިޔުމާ ގުޅޭ ގޮތުން ދެފަރާތަށް ވާހަކަ ދައްކަން ފުރުސަތުދެވި، މައްސަލަ ބެލި ފަނޑިޔާރުން ނިންމާފައިވަނީ އަޙްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިހުރި އިސްތިއުނާފީ ނުކުތާތަކުގެ ތެރެއިން ފާއިލިއްޔަތު ނުގެއްލި ގޮތެއް ކަނޑައެޅެން އޮތީ ހަމަ އެކަނި "އެބިޔުސް އޮފް ޕްރޮސެސް" (abuse of process) ގެ މައްޗަށްކަމަށެވެ.
7. އެހެންކަމުން، މި މައްސަލައިގައި ގޮތެއް ކަނޑައަޅާފައިވާނީ އަޙްމަދު އަމީންގެ ފަރާތުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފާފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާ ނުވަތަ އެބިޔުސް އޮފް ޕްރޮސެސް ނުކުތާގެ މައްޗަށް އެކަންޏެވެ.
މައްސަލައިގައި ކަން ހިނގާދިޔަ ގޮތް
8. އަޙްމަދު އަމީންއާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ (މީގެ ފަހުން "މިނިސްޓްރީ އޮފް އެންވަޔަރަމަންޓް") އާ ދެމެދު ވެފައިވާ ނަންބަރު (AGR)438-ENV/PRIV/2019/138 (16 ސެޕްޓެމްބަރު 2019( އެއްބަސްވުމާ އަޙްމަދު އަމީން ޚިލާފުވެފައިވާ ކަމަށްބުނެ، އެ އެއްބަސްވުން ބާޠިލުކޮށްފައިވަނީ އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާގޮތާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި ދައުލަތުގެ ބީލަންތަކުގައި އަޙްމަދު އަމީންއަށް ބައިވެރިނުވެވޭގޮތަށް އޭނާ 6 (ހައެއް) މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވަނީ ޤާނޫނުއަސާސީއާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުއާ1 ޚިލާފަށްކަމަށް ކަނޑައަޅައިދީ، ސަސްޕެންޝަން ބާޠިލުކޮށްދިނުމަށް އެދި، މިނިސްޓްރީ އޮފް އެންވަޔަރަމަންޓްއާއި މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށް ސިވިލް ކޯޓުގެ ނަންބަރު 4315/Cv-C/2021 ގަޒިއްޔާއިން އަޙްމަދު އަމީން ދަޢުވާކޮށްފައިވެއެވެ.
9. ސިވިލް ކޯޓުގެ ގަޒިއްޔާގައި ޝަރީޢަތުން ވަކިގޮތެއް ކަނޑައަޅަންދެން ދައުލަތުގެ ޕްރޮކިއުމަންޓްތަކުގައި ބައިވެރިނުވެވޭގޮތަށް އަޙްމަދު އަމީން ސަސްޕެންޑްކޮށްފައި އޮތް އޮތުމަށް ޢަމަލުނުކުރުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އަންގައި، ވަގުތީ އަމުރެއް ނެރެދިނުމަށް އަޙްމަދު އަމީންގެ ފަރާތުން އެދުނެވެ.
ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ނިންމިގޮތް
10. ސިވިލް ކޯޓުގެ ނަންބަރު 144-B3-CR1/VN/2021/10 "ވަގުތީ އަމުރާމެދު ނިންމިގޮތް" (މީގެ ފަހުން "ފުރަތަމަ ފަހަރަށް ވަގުތީ އަމުރާ މެދު ނިންމިގޮތް") ގައި އެ ކޯޓުން ނިންމީ އެ މައްސަލައިގައި ވަގުތީ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށެވެ.
11. ސިވިލް ކޯޓުން އަމުރު ނެރެނުދިނުމަށް ޖުމްލަ ގޮތެއްގައި ދީފައިވާ ސަބަބަކީ، ޝަރީޢަތްކުރުމާބެހޭ ގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 295 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް ވ. އެންޓި ކޮރަޕްޝަން ކޮމިޝަން2 ގަޒިއްޔާގައި ވަގުތީ އަމުރު ނެރެދެވޭނެ ޙާލަތްތައް ބަޔާންކޮށްފައިވާއިރު، ކޯޓަށް ހުށަހެޅޭ މައްސަލައަކާ ގުޅިގެން ނެރެދެވޭ ވަގުތީ އަމުރުގައި އަޞްލު މައްސަލައިގައި ހިމެނޭ މައުލޫއީ ޙައްޤަށް ނުވަތަ ޤާނޫނީ މަރުކަޒަށް އަސަރުކުރަނިވިފަދަ ގޮތަކަށް ނުވަތަ އެ ޙައްޤު ސާބިތުކޮށް ނުވަތަ ނަފީކޮށް ވަގުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާތީ، މި މައްސަލައިގައި އަޙްމަދު އަމީން ސަސްޕެންޑްކޮށްފައި އޮތްއޮތުމަށް ޢަމަލުނުކުރުމަށް އެދި ހުށަހެޅުމަކީ ދަޢުވާގެ މައުލޫއުގައި އެކަމަށް ދާއިމީ ފަރުވާއެއް ހޯދުމަށް އެދިފައިވާކަމަކަށްވާތީ ކަމަށެވެ.
12. ސިވިލް ކޯޓުން ވަގުތީ އަމުރާމެދު ގޮތެއް ނިންމީ 26 ޑިސެންބަރު 2021 ގައެވެ.
13. ސިވިލް ކޯޓުގެ މި ނިންމުން މުރާޖައާކޮށްދިނުމަށް ހަމަ އޭގެ އަނެއް ދުވަހު (27 ޑިސެންބަރު 2021) ގައި އަޙްމަދު އަމީން ސިވިލް ކޯޓަށް ހުށަހެޅިއެވެ. ހަމަ އެ ދުވަހުގައި އަޙްމަދު އަމީން ދެވަނަ ފަހަރަށް އައު ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި އެދުނެވެ. އަދި އެއަށްފަހު 29 ޑިސެންބަރުގައި ސިވިލް ކޯޓުގެ ފުރަތަމަ ފަހަރަށް ވަގުތީ އަމުރާ މެދު ނިންމިގޮތް އިސްތިއުނާފުކުރަން އަޙްމަދު އަމީން ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
14. ސިވިލް ކޯޓުގެ ފުރަތަމަ ފަހަރަށް ވަގުތީ އަމުރާ މެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް އަޙްމަދު އަމީންގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުން، އެ ކޯޓުން އެ މައްސަލަ ބެލީ އެ ކޯޓުގެ ނަންބަރު 2022/HC-A/34 ގަޒިއްޔާއިންނެވެ. އެ މައްސަލައިގައި ދައުލަތުގެ ފަރާތުން އިޖުރާއީ އިއުތިރާޒެއް ފާހަގަކުރިއެވެ.3 އެގޮތުން އަޙްމަދު އަމީންގެ ފަރާތުން މި މައްސަލައިގައި ޢަމަލުކޮށްފައިވާގޮތަށް ބަލާއިރު، ކޯޓުގެ އިޖުރާއަތު ނަހަމަގޮތުގައި ބޭނުންހިފަން މަސައްކަތްކޮށްފައިވާކަމަށް ބެލެވޭތީ، އެ ހާލަތުގައި މައްސަލަ ނުބެލޭނެކަމަށް ދައުލަތުން ބަޔާންކޮށްފައިވެއެވެ.
15. ދައުލަތުން ހައިކޯޓުގައި ބުނީ މި މައްސަލައިގައި އިސްތިއުނާފުކޮށްފައިވަނީ 26 ޑިސެންބަރު 2021 ގައި ނިންމި ސިވިލް ކޯޓުގެ ނަންބަރު 144-B3-CR1/VN/2021/10 "ވަގުތީ އަމުރާމެދު ނިންމިގޮތް" ކަމުގައިވީނަމަވެސް، ހުށަހެޅިފައި އޮތް ވަގުތީ އަމުރާ ގުޅޭ އެންމެ ފަހުގެ ނިންމުމަކީ 10 ޖަނަވަރީ 2022 ގައި ސިވިލް ކޯޓުން ނިންމި ނިންމުންކަމަށެވެ. އެއީ ސިވިލް ކޯޓުގެ "ނަންބަރު 144-B3-CR1/VN/2021/10 (26 ޑިސެންބަރު 2021) "ވަގުތީ އަމުރާމެދު ނިންމިގޮތް" މުރާޖަޢާކުރަން ހުށަހެޅި ހުށަހެޅުމާމެދު ނިންމިގޮތް" ކަމަށެވެ. އެހެން ގޮތަކަށް ބުނާނަމަ، ފުރަތަމަ ފަހަރަށް ވަގުތީ އަމުރާ މެދު ނިންމިގޮތް މުރާޖައާ ކުރުމަށް އެދުމުން، އެކަމާ މެދު ސިވިލް ކޯޓުން ނިންމިގޮތްކަމަށެވެ.
16. މީގެ އިތުރުން، އަޙްމަދު އަމީންގެ ފަރާތުން ދެވަނަ ފަހަރަށް ވަގުތީ އަމުރަކަށް އެދުމުން، އެ އަމުރު ނެރެދެވޭނެ ތަނެއް ނެތްކަމަށް ދެވަނަ ފަހަރަށް ސިވިލް ކޯޓުން ނިންމީވެސް ހަމަ 10 ޖަނަވަރީ 2022 ގެ ތާރީޚުގައި ކަމަށެވެ. އެއީ، ސިވިލް ކޯޓުގެ ނަންބަރު 144-B3-CR1/VN/2022/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" ކަމަށެވެ.
17. އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2022/HC-A/34 ގަޒިއްޔާގައި ކަނޑައަޅާފައިވަނީ، އަޙްމަދު އަމީންގެ ފަރާތުން އެއްފަހަރާ ކޯޓުތަކުގެ އިޖުރާއަތުތަކުގެ ދަށުން ވަގުތީ އަމުރެއް ހޯދުމަށް މަސައްކަތްކޮށްފައިވާތީ، އަޙްމަދު އަމީންވަނީ ކޯޓުގެ އިޖުރާއަތުތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިކަމަށާއި، އަދި ހައިކޯޓު މަރުހަލާގައިވެސް އިސްތިއުނާފުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 144-B3-CR1/VN/2021/10 "ވަގުތީ އަމުރާމެދު ނިންމިގޮތް" (ފުރަތަމަ ފަހަރަށް ވަގުތީއަމުރާމެދު ނިންމިގޮތް) ގެ ފާއިލިއްޔަތު މިހާރު އޮތްކަމަށް ނުފެންނާތީ އެ މައްސަލަ ހައިކޯޓުގައި ކުރިއަށް ގެންދެވެން ނެތްކަމަށް އެ ކޯޓުން ނިންމާފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާ
18. ހައިކޯޓުގެ ނަންބަރު 2022/HC-A/34 ގަޒިއްޔާއިން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް އަޙްމަދު އަމީންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. ކުރިން ފާހަގަކުރެވުނު ފަދައިން މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ބޭއްވުނުއިރުވެސް މި މައްސަލައިގެ ފާއިލިއްޔަތު ނެތިގޮސްފައިވެއެވެ. އެހެންކަމުން މި މައްސަލައިގައި ގޮތެއް ނިންމުމަށް ކަނޑައެޅުނު ނުކުތާއަކީ، ކޯޓުގެ އިޖުރާއަތުތައް ނަހަމަގޮތުގައި ބޭނުން ކުރުމުގެ ޢަމަލެއް ހިނގާފައި ނެތީސް އެފަދަ ޢަމަލެއް ހިނގިކަމަށް ކަނޑައަޅާފައިވުމާއި، އެފަދައިން ކަނޑައެޅުމުގައި principle of finality ގެ ހަމަތަކާ ހައިކޯޓުން ޚިލާފުވެފައިވުމާއި، އެބިއުސް އޮފް ޕްރޮސެސްގެ ޓެސްޓު ގޯސްކޮށް ތަޠްބީޤުކޮށް، މައްސަލަ ބޭރު ކުރަންޖެހޭ ޙާލަތެއް ނެތީސް ހައިކޯޓުން މައްސަލަ ބޭރުކޮށްލާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ވަގުތީ އަމުރެއް ހޯދުމަށް އެޅުނު ފިޔަވަޅުތައް
19. އަޙްމަދު އަމީންގެ ފަރާތުން ވަގުތީ އަމުރެއް ހޯދުމަށްޓަކައި އެޅި ފިޔަވަޅުތައް ތިރީގައި ނަކަލުކޮށްލާނަމެވެ.
ފިޔަވަޅު ނަންބަރު ކޯޓު ހުށަހެޅުންތައް ހުށަހެޅި ތާރީޚު ނިމުނު ތާރީޚު ނިމުނުގޮތް 1. ސިވިލް ކޯޓު ވަގުތީ އަމުރެއް ނެރެދިނުމަށް އެދި 29 ނޮވެންބަރު 2021 26 ޑިސެންބަރު 2021 އަމުރު ނެރެދޭނެ ތަނެއް ނެތްކަމަށް 2. ސިވިލް ކޯޓު ވަގުތީ އަމުރާމެދު ނިންމިގޮތް މުރާޖަޢާކުރުމަށް ހުށަހެޅުން 27 ޑިސެންބަރު 2021 10 ޖެނުއަރީ 2022 އަމުރެއް ނެރެދެވިފައިނުވާ ހާލަތުގައި މުރާޖަޢާ ކުރެވެން ނެތްކަމަށް 3. ސިވިލް ކޯޓު އައު ވަގުތީ އަމުރަކަށް އެދުން 27 ޑިސެންބަރު 2021 10 ޖަނަވަރީ 2022 އަމުރެއް ނެރެދެވެން ނެތްކަމަށް 4. ހައިކޯޓު 26 ޑިސެންބަރު 2021 ގައި ވަގުތީ އަމުރާމެދު ނިންމިގޮތް އިސްތިއުނާފުކުރުން 29 ޑިސެންބަރު 20214 27 އޭޕްރިލް 2022 މައްސަލަ މައުލޫއީ ގޮތުން ކުރިއަށް ގެންދެވެން ނެތްކަމަށް
20. ބަޔާންވެދިޔަ މައުލޫމާތަށް ރިޢާޔަތްކުރާއިރު، ސިވިލް ކޯޓުން އަޙްމަދު އަމީން އެދިފައިވާ ގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތްކަމަށް އެންމެ ފުރަތަމަ ނިންމި ދުވަސް ނޫން އޭގެ އަނެއް ދުވަހު (27 ޑިސެންބަރު 2021 ގައި) ފުރަތަމަ ނިންމުން މުރަޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުގެ އިތުރުން، ހަމަ އެ ތާރީޚުގައި އަނެއްކާވެސް އައު އަމުރެއް ނެރެދިނުމަށް ހުށަހަޅާފައިވެއެވެ. ދެވަނަ ފަހަރަށް ނެރެދިނުމަށް އެދުނު އަމުރުގައިވެސް ކުރިން އެދުނު އަމުރުގައިވާ ކަންކަން ހިމެނުމުގެ އިތުރުން އައު އެއް ނުކުތާ ހިމެނިފައިވެއެވެ.5
21. ބުނެވުނު މުރާޖަޢާއާއި އައު ވަގުތީ އަމުރުގެ މައްސަލައާ މެދު ސިވިލް ކޯޓުން ގޮތެއް ކަނޑައެޅުމުގެ ކުރިން، 26 ޑިސެންބަރު 2021 ގެ ފުރަތަމަ ފަހަރަށް ވަގުތީ އަމުރާ މެދު ނިންމިގޮތް އިސްތިއުނާފުކުރުމަށް ހައިކޯޓަށް 29 ޑިސެންބަރުގައި ހުށަހެޅިކަމަށް އަޙްމަދު އަމީންގެ ފަރާތުން ބުނެފައިވެއެވެ.
22. ވުމާއެކު، 29 ޑިސެންބަރު 2021 އާ ހިސާބަށް އައި އިރު، ވަގުތީ އަމުރެއް ނެރެދިނުމަށް އެދި އަޙްމަދު އަމީންގެ ފަރާތުން 3 ތަފާތު ހުށަހެޅުމެއް ދެ މަރުހަލާގެ ދެ ކޯޓަކަށް ހުށަހަޅާފައިވެއެވެ.
23. އަޙްމަދު އަމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ވަގުތީ އަމުރު މުރާޖަޢާކުރުމަށް ހުށަހެޅުމަކީވެސް އަދި އިސްތިއުނާފުކުރުމަކީވެސް ޤާނޫނުން އަޙްމަދު އަމީންއަށް ލިބިދީފައިވާ ޙައްޤެއް ކަމަށާއި، މުރާޖައާކުރުމަށް ހުށަހެޅުމަށްފަހު އިސްތިއުނާފުކުރުން މަނާކުރާ އެއްވެސް މާއްދާއެއް ޤާނޫނުގައި ބަޔާންކޮށްފައިނުވާއިރު، ހައިކޯޓުން އެކަމަކީ އެބިއުސް އޮފް ޕްރޮސެސްއެއްކަމަށް ކަނޑައަޅާ މައްސަލަ ބޭރުނުކުރެވޭނެ ކަމަށެވެ.
24. ދައުލަތުގެ ފަރާތުން ޖުމްލަ ގޮތެއްގައި ސުޕްރީމް ކޯޓުގައި ބުނެފައިވަނީ އެބިޔުސް އޮފް ޕްރޮސެސްއެއް ކަނޑައެޅުމަށްޓަކައި ރިޢާޔަތްކުރަންޖެހޭނީ ކޮންމެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށް ކަމަށާއި، ހުށަހެޅިފައިމިވާ މައްސަލައިގައި ހައިކޯޓުން އެބިޔުސް އޮފް ޕްރޮސެސްއެއް ކަމަށް ކަނޑައަޅާފައިވަނީ މައްސަލައިގެ ވަށައިގެންވާ ކަންތައްތަކަށް ރިޢާޔަތްކޮށްކަމަށެވެ.
ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާކަން ކަނޑައަޅާނެ މިންގަނޑު
25. މި މައްސަލައިގައި ދެ މަރުހަލާގެ ދެ ކޯޓަކަށް ވަގުތީ އަމުރެއް ނެރުމާ ގުޅޭ 3 ހުށަހެޅުމެއް އަޙްމަދު އަމީންގެ ފަރާތުން ހުށަހަޅާފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނުއަށް6 ޢަމަލުކުރަން ފެށުމުގެ ކުރިންނެވެ. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރާ ޙާލަތްތަކުގައި ފިޔަވަޅު އެޅުމުގެ ބާރު ކޯޓުތަކަށް ލިބިދެއެވެ.
26. އެގޮތުން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ށ) ގައި ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލުގެ ތެރޭގައި؛
(ހ) ސަބަބެއް ނުވަތަ ބޭނުމެއް ނެތި ކުރާ ޢަމަލުތައް،
(ށ) އެހެން މީހުންނަށް އުނދަގޫވާގޮތަށް ހިންގާ ޢަމަލުތައް،
(ނ) ވަކި ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި އެހެން ފަރާތަކަށް ގެއްލުންވާނެ ފަދަ ގޮތަކަށް އިޖުރާއަތު ބޭނުންކުރުން،
(ރ) އިންސާފަށް ހުރަސްއެޅުމަށް މަސައްކަތް ކުރުން،
(ބ) ޢާންމު މަޝްވަރާކުރުމުގައި އެހެން ފަރާތަކަށް ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން ފަދަ ޢަމަލުތައް
ހިމެނެއެވެ.
27. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ކޯޓަށް ސާބިތުވެއްޖެނަމަ، އެފަދަ ހުށަހެޅުމެއް ބާޠިލުކުރުމުގެ އިޚްތިޔާރު 421 ވަނަ މާއްދާގެ (ރ) ގެ ދަށުން ލިބިދެވޭއިރު، އެ މާއްދާގެ (ބ) ގައި ބަޔާންކުރާ އެހެނިހެން ފިޔަވަޅު އެޅުމުގެ ބާރުވެސް ކޯޓަށް ލިބިދެއެވެ.
28. މަދަނީ އިޖުރާއަތުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމުގެ ކުރިންވެސް ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުންކުރުމާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ބައެއް މައްސަލަ ނިންމާފައިވެއެވެ.7 ދަޢުވާކޮށްފައި ޙުކުމްކުރުމުގެ ކުރިން ދަޢުވާ އަނބުރާ ގެންގޮސް އަލުން ހުށަހެޅުން ތަކުރާރު ކުރުމުގެ މައްސަލަތަކާއި، ރެސް ޖުޑިކާޓާގެ މަބްދަޢުގެ ތެރެއިން އެކަމަކަށް ހައްލު ލިބިގެންދާ އެއް މުއާމަލާތެއްގެ އެކި ކަންކަމާގުޅޭ ގޮތުން ވަކި ވަކި ދަޢުވާ ކުރުމާ ގުޅޭ މައްސަލަތަކަށް ސުޕްރީމް ކޯޓުން މީގެ ކުރިން ގޮތް ކަނޑައަޅާފައިވެއެވެ.
29. ނަމަވެސް ހުށަހެޅިފައިމިވާ މައްސަލައަކީ އެންމެ ދަޢުވާއެއްގެ ތެރެއިން އެއްފަހަރާ އެކި އިޖުރާއަތުތައް ބޭނުންކޮށްފައިވާ މައްސަލައެކެވެ.
30. އަޙްމަދު އަމީންގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ މި މައްސަލައިގައިވާ ފަދަ ހާލަތެއްގައި ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކޮށްފައިވާކަން ކަނޑައެޅުމަށް ބޭނުންކުރަން ޖެހޭނީ އިނގިރޭސި ވިލާތުގެ Cable v Liverpool Victoria Insurance Co Ltd8 ގަޒިއްޔާގައި ކަނޑައަޅާފައިވާފަދަ ޓެސްޓެއްކަމަށެވެ.
31. އެ ގަޒިއްޔާގައި ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމާގުޅޭ ޓެސްޓަކީ ދެ މަރުހަލާއަކަށް ބެހިގެންވާ ޓެސްޓެއް ކަމަށް ކަނޑައަޅާފައިވެއެވެ. އެގޮތުން، ފުރަތަމަ މަރުހަލާގައި ކޯޓުން ކަނޑައަޅަންޖެހޭނީ ޚަސްމުގެ ޢަމަލަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލެއްތޯ ނުވަތަ ނޫންތޯއެވެ. އަދި ދެވަނަ މަރުހަލާގައި، އެ ޢަމަލަކީ ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގެ ޢަމަލެއް ކަމުގައިވާނަމަ އެ ޢަމަލަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅުމެވެ.
32. ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފިދާނެ ގޮތްތަކަކީ އެކި ސިފަ ސިފައިގައި އެކި ގޮތްގޮތަށް އުފަންވުމުގެ ފުރުސަތު ހުރި ކަންކަމެވެ. މިހާރު ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ މަދަނީ އިޖުރާއަތުގެ ޤާނޫނުގައި ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުންކަމަށް ބެލެވިދާނެ ހާލަތްތަކެއް ބަޔާންކޮށްފައިވީ ނަމަވެސް، މިއީ ނިމެނިވި (exhaustive) ލިސްޓެއް ކަމުގައި އަހުރެން ނުދެކެމެވެ. އަދި މިފަދަ ޢަމަލުތަކަކީ ދިވެހިރާއްޖޭގައި ހަމައެކަނި މައްސަލައެއް ބަލައިގަތުމަށްފަހު ޝަރީޢަތްތައް ކުރިއަށްދާއިރު ހިނގާ ކަންތައްތަކެއް ނޫނެވެ. މައްސަލައެއް ކޯޓަށް ހުށަހެޅި ރަޖިސްޓްރީކުރުމުގެ މަރުހަލާގެ ތެރެއިންވެސް އިޖުރާއަތުގެ ނަހަމަ ބޭނުން ކުރުމުގެ އިހުތިމާލު އޮވެދާނެއެވެ.
33. އެހެންކަމުން، ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފުމަށް ހަނި މާނަކުރުމެއް ދެވިދާނެކަމަކަށް އަހުރެން ނުދެކެމެވެ. ނިޒާމުގެ ނަހަމަ ބޭނުން ހިފުމުގައި ކޮންމެހެން ކޯޓުގެ ގަވާއިދަކާވެސް ޚިލާފުވާކަށް ނުޖެހެއެވެ. ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަކީ ޚަސްމަކު ކުރާ ކަމެއް އެއީ ކޯޓުގެ އިޖުރާއަތާގުޅޭ އުސޫލުތައް ލުޣަވީ ގޮތުން މާނަކުރާއިރު ފުށުއެރުމެއް ނެތްކަމެއް ކަމުގައިވީ ނަމަވެސް، އެ އުސޫލުތައް ތަތުބީޤުކުރުމުގައި މައްސަލައިގެ ޚަސްމަކަށް ކަނޑައެޅިގެން ނާއިންސާފުވުން ނުވަތަ ހެޔޮ ވިސްނޭ މީހުންގެ ނަޒަރުގައި އިންސާފު ގާއިމުކުރުމުގެ ނިޒާމު ބަދުނާމުވުން ފަދަ ކަންކަމެވެ.9
34. އިނގިރޭސި ވިލާތުގެCable v Liverpool Victoria Insurance Co Ltd10 ގަޒިއްޔާގައި ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ބޭނުން ހިފުމަކީ ކޯޓުގެ އިޖުރާއަތެއް ޢާންމުކޮށް ބޭނުންކުރާ ގޮތާ ތަފާތު ގޮތަކަށް ނުވަތަ އެ އިޖުރާއަތަކުން ޢާންމުކޮށް ހާސިލުކުރަން ބޭނުންވާ ކަންކަން ފިޔަވައި އެހެން ކަންތައްތަކެއް ހާސިލުކުރުމަށް ބޭނުންކުރުން ކަމަށް ބަޔާންކޮށްފައިވެއެވެ.11
35. ބުނެވިދިޔަ ކަންކަން ކަނޑައެޅުމަށްޓަކައި ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތްކުރަންޖެހޭނެ ކަމަށް އަޙްމަދު އަމީންގެ ފަރާތުންވެސް އަދި ދައުލަތުގެ ފަރާތުންވެސް އެއްބަސްވެއެވެ. އަޙްމަދު އަމީންގެ ފަރާތުން ބުނަނީ އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތް ނުކުރާކަމަށެވެ.
36. އެގޮތުން، މައްސަލައަކީ އަޙްމަދު އަމީން ދައުލަތުގެ ބީލަންތަކުގައި ބައިވެރިނުވެވޭ ގޮތަށް 6 (ހައެއް) މަސް ދުވަހަށް ސަސްޕެންޑް ކުރުމުން އެ ނިންމުމަށް އެވަގުތު ޢަމަލުނުކޮށް މަޑުޖެއްސުމަށް ވަގުތީ އަމުރަކަށް އެދުނު މައްސަލައަކަށް ވާއިރު، އިސްތިއުނާފު ކުރުމުގެ މުއްދަތަކީ އެއިރުގައި 10 (ދިހައެއް) ދުވަހުގެ މުއްދަތެއް ކަމަށާއި، އިސްތިއުނާފީ މަރުހަލާ ނިމެންދެން، ނުވަތަ މުރާޖައާ މަރުހަލާ ނިމެންދެން މަޑުކުރުމަކީ މައްސަލައިގެ ތަބީއަތުގެ ގޮތުން އަޙްމަދު އަމީންއަށް އެންމެ މަސްލަހަތު ހުރިގޮތް ނޫންކަމަށެވެ. އަދި އެކި މަގުތައް އެއްފަހަރާ ޚިޔާރުކުރީ އަޙްމަދު އަމީންގެ ހައްޤެއް ގެއްލި ވަގުތު ބޭކާރު ވިޔަ ނުދިނުމަށް ކަމަށެވެ.
37. މިއާ ޚިލާފަށް ދައުލަތުގެ ފަރާތުން ބުނަނީ އަޙްމަދު އަމީން އެއްފަހަރާ ކޯޓުތަކުގައި އެކި ބޭނުންތަކަށް އެކުލަވާލާފައިވާ އިޖުރާއަތުތައް ބޭނުންކުރުމަކީ އަޙްމަދު އަމީން ކޯޓުގެ އިޖުރާއަތުތައް ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށެވެ.
38. އެގޮތުން މައްސަލައެއް ހައިކޯޓުގައި އިސްތިއުނާފު ކުރެވޭނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ12 43 ވަނަ މާއްދާގައި ބަޔާންކުރާ ހައިކޯޓުގައި މައްސަލައެއް އިސްތިއުނާފު ކުރެވޭފަދަ ހާލަތެއް ވުޖޫދުވެގެންކަމަށެވެ. އެއީ އިސްތިއުނާފުކުރަން ހުށަހަޅާ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭނެ ސަބަބުތަކެއް ހުރުން ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭނެ ކަންކަން ހުރުން ނުވަތަ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުމެވެ.
39. މިއާ ޚިލާފަށް ވަގުތީ އަމުރެއް މުރާޖައާ ކުރެވޭނީ ހައިކޯޓުގެ ޙުސައިން ހަމްދާން ވ. މުޙައްމަދު ޒިޔާދު13 ގަޒިއްޔާގައިވާ ދެ ހާލަތުން ކުރެ ހާލަތެއްގައި ކަމަށެވެ. އެއީ ފުރަތަމަ ކަމަކަށް، ވަގުތީ ގޮތުން އަޅާފައިވާ ފިޔަވަޅެއްގެ ހާލަތު ބަދަލުވުން ނުވަތަ ދެވަނަ ކަމަކަށް، ކުރިން ނިންމާފައިވާ ނިންމުން ބިނާކުރި ސަބަބަށް އަސަރުކުރާނެ ފަދަ އިތުރު ކަމެއް ނުވަތަ ސަބަބެއް އޮތްކަމުގެ ހެކި ހުންނަ ހާލަތުގައި ކަމަށެވެ.
40. އެހެންކަމުން، އަޙްމަދު އަމީން ވަގުތީ އަމުރު މުރާޖައާ ކޮށްދިނުމަށާއި އިސްތިއުނާފު ކުރުމަށާއި އަދި ފުރަތަމަ ވަގުތީ އަމުރުގެ ފަރުވާ ހިމެނޭ ގޮތަށް ދާދި އެއް ނުކުތާ ތަކެއްގެ މައްޗަށް ބިނާކޮށް ދެވަނަ ވަގުތީ އަމުރަކަށް އެއްފަހަރާ އެދުމަކީ ކޯޓުގެ އިޖުރާއަތުތައް ނަހަމަ ގޮތުގައި ބޭނުން ކުރުންކަމަށް ދައުލަތުގެ ފަރާތުން ބުނެފައިވެއެވެ.
މި މައްސަލައިގައި ނިޒާމުގެ ނަހަމަ ބޭނުންކޮށްފައިވޭތޯ
41. އެއްފަހަރާ އެކި ދިމަދިމާލަށް ފަރުވާ އަކަށް އެދި ހުށަހެޅީ މައްސަލައިގެ އަވަސް ތަބީޢަތުގެ ގޮތުންކަމަށް އެއްކޮޅުން އަޙްމަދު އަމީން ބުނާއިރު، އަނެއްކޮޅުން ދައުލަތުން ބުނަނީ ކޮންމެ އިޖުރާއަތަކީވެސް ވަކި ހާލަތެއް އުފަންވުމުން ބޭނުން ކުރެވެނޭ އިޖުރާއަތެއް ކަމަށެވެ.
42. ސުވާލަކީ އަޙްމަދު އަމީންގެ ފަރާތުން ކޯޓުގެ އިޖުރާއަތުތައް ބޭނުންކޮށްފައިވަނީ ކޯޓުގެ އިޖުރާއަތެއް ޢާންމުކޮށް ބޭނުންކުރާ ގޮތާ ތަފާތު ގޮތަކަށް ނުވަތަ ޢާންމުކޮށް ހާސިލުކުރަން ބޭނުންކުރާ ކަންކަން ފިޔަވައި އެހެން ކަންތައްތަކެއް ހާސިލުކުރުމަށް ހެއްޔެވެ؟
43. ދައުލަތުގެ ފަރާތުން ފާހަގަކުރާ ފަދައިން، އަމުރެއް މުރާޖައާ ކުރުމަށް ހުށަހެޅުމާއި އަމުރެއް އިސްތިއުނާފު ކުރުމަށް ހުށަހެޅުމަކީ ތަފާތު ދެ ހާލަތެއް އޮތްނަމަ ހިނގާނެ ތަފާތު ދެކަމެކެވެ. އިސްތިއުނާފަށް މައްސަލައެއް ހުށަހަޅާނީ ޤާނޫނީ އުސޫލަކާ އެ މައްސަލައެއް ނިންމާފައިވާ ގޮތް ޚިލާފުވުމުން ކަމުގައިވާއިރު، މައްސަލައެއް މުރާޖައާ ކުރުމަށް ހުށަހަޅާނީ ޤާނޫނީ އުސޫލަކާ ޚިލާފުވެގެންނެއް ނޫނެވެ. ނަމަވެސް ހައިކޯޓުގެ ޙުސައިން ހަމްދާން ވ. މުޙައްމަދު ޒިޔާދު14 ގަޒިއްޔާގައިވެސް ފާހަގަކޮށްފައިވާ ފަދައިން މައްސަލައެއްގެ ހާލަތު ބަދަލުވުން ނުވަތަ ކުރިން ނިންމި ނިންމުން ބިނާކުރި ސަބަބަށް އަސަރުކުރާނެ ފަދަ އެހެން ކަމެއް އުފަންވުން ނުވަތަ ވުޖޫދުވުމުގެ މައްޗަށެވެ.
44. ސިވިލް ކޯޓުން އަމުރު ނެރެނުދިން މައްސަލަ އަޙްމަދު އަމީންގެ ފަރާތުން އިސްތިއުނާފަށް ހުށަހަޅައި، މުރާޖައާކުރަން ހުށަހަޅައި، ދާދި އެއް ވާގިއާތަކެއްގެ މައްޗަށް ބިނާވާ މުޅިން އައު އަމުރަކަށް އެދުނުއިރު، މި ތިން މައްސަލައިގެ ތެރެއިން ކޮންމެ މައްސަލައެއް ނިމިގެން ދިޔައީ އަޙްމަދު އަމީންއާ ދެކޮޅަށެވެ. ޚިޔާރުކުރި އިޖުރާއަތުތަކުން ނިކުމެދާނެ ބޭއިންސާފު ނުފެންނަނީ މިހެންވުމުން ކަމުގައިވެދާނެއެވެ.
45. މިއާ ޚިލާފަށް އަޙްމަދު އަމީން ޚިޔާރުކުރި ތިން ފަރުވާ ދެ ގޮތަކަށް ނިމުނުނަމަ އެތަނުން ސައްޙަ ގޮތަކީ ކޮބައިކަމާ މެދު ޤާނޫނީ ގޮތުން ސުވާލު އުފެއްދުމުގެ ފުރުސަތު ހުޅުވިގެންދާނެކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
46. މިސާލަކަށް ހައިކޯޓުން ސިވިލް ކޯޓުގެ ފުރަތަމަ ނިންމުން ބާޠިލުކޮށް އަމުރެއް ނެރެންޖެހޭކަމަށް ކަނޑައެޅިނަމަ، ދެވަނަ ފަހަރަށް ސިވިލް ކޯޓަށް ވަގުތީ އަމުރަކަށް އެދި ހުށަހެޅި ހުށަހެޅުމުގެ ސައްޙަކަމާ މެދު ޤާނޫނީ ބަހުސަކަށް ދިޔުމުގެ ފުރުސަތު ހުޅުވިގެންދެއެވެ. ޢަމަލުކުރަންޖެހޭނީ އިޖުރާއީ ތަރުތީބުން ސިވިލް ކޯޓުން އަމުރެއް ނެރެދޭން ނުޖެހޭކަމަށް ނިންމި ދެވަނަ ނިންމުމަށްތޯ ނުވަތަ ސިވިލް ކޯޓުން އެންމެ ފުރަތަމަ ވަގުތީ އަމުރާމެދު ނިންމި ނިންމުން ބާޠިލުކުރި ހައިކޯޓުގެ ނިންމުމަށްތޯއެވެ. ނުވަތަ މި ހާލަތުވާނީ ފަހުން ސިވިލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމެއް ނެތި އެކަމަކު ހައިކޯޓުގެ ނިންމުމުން ސިވިލް ކޯޓުގެ ނިންމުމުގެ ބާރު ކެނޑިގެންދާ ނިންމުމަކަށްތޯއެވެ. ނުވަތަ މުރާޖައާ މައްސަލަ ހައިކޯޓުގެ އިސްތިއުނާފު މައްސަލައިގެ ފަހުން ނިމުނުނަމަ، އަދި މުރާޖައާގެ ނަތީޖާއަކީ އަމުރެއް ނެރެދޭން ޖެހުން ކަމުގައިވަނީ ނަމަ، ހައިކޯޓުން އަމުރު ނެރެންނުޖެހޭ ކަމަށް ނިންމާ ނިންމުން އެއްފަރާތް ކުރާނީތޯ؟
47. ހުށަހެޅިފައިމިވާ މައްސަލައިގައި ބުނެވެނު ގޮތަށް ސުވާލު އުފެއްދޭފަދަ ހާލަތެއް އުފަން ނުވުމަކީ އިޖުރާއަތު ބޭނުން ކުރި ގޮތުން އެއްވެސް ފަރާތަކަށް ގެއްލުމެއް ނުލިބޭ ފަދަ ސަބަބެއްކަމަށް ބެލުމަށް އޮތް ހުއްޖަތެއް ނޫނެވެ. އެހެނީ ވަގުތީ އަމުރަކަށް އެދުމާއި، އެ އަމުރު މުރާޖައާ ކުރުމަށް އެދުމާއި، އިސްތިއުނާފު ކުރުމަށް ހުށަހެޅުމާއި، އަދި އައު އަމުރަކަށް އެދުން ބިނާވަނީ މައްސަލަ ހިނގާ ގޮތުގެ ތަފާތު ކަންތައްތަކެއްގެ މައްޗަށް ކަމުގައިވާއިރު، މި އެންމެހައި ކަންކަމާގުޅޭ އިޖުރާއަތު ތަކަކީ އެއްފަހަރާ ޚަސްމަކަށް ބޭނުންކުރެވޭ ވިސްނުމުގައި ކޯޓުތަކުން އެކުލަވާލައި، ޢަމަލުކުރަމުންދާ އިޖުރާއަތުތަކެއް ނޫނެވެ.
48. އެހެންގޮތަކަށް ބުނާނަމަ، އަޙްމަދު އަމީން ވަގުތީ އަމުރެއް ހޯދުމަށް ބޭނުންކުރެވިދާނެ އެކި އިޖުރާއަތުތައް ސިވިލް ކޯޓުގައާއި ހައިކޯޓުގައި އެއް ފަހަރާ ބޭނުންކޮށްފައިވަނީ އެ އިޖުރާއަތުތައް ޢާންމުކޮށް ބޭނުންކުރާ ގޮތާ މުޅިން ޚިލާފަށް، އެފަދަ މައްސަލަތަކުގައި ޢަމަލުކުރަންޖެހޭ ތަރުތީބަށް ލޮޅުން އަރައި، ޢަމަލުކުރަންޖެހޭ ގޮތާމެދު އޮޅުންއަރާ ގޮތަކަށެވެ. އަދި މި މައްސަލައިގައި ހުރިހާ ކޯޓަކުންވެސް އެއްގޮތަކަށް އަޙްމަދު އަމީންއާ ދެކޮޅަށް މައްސަލަތައް ނިމިގެން ދިޔުމުގެ ސަބަބުން މައްސަލައިގެ ޚަސްމަކަށް ލިބިދާނެ ގެއްލުން އަދި ކޯޓުތަކުގެ ނިންމުންތަކުގެ ސައްޙަކަމާ މެދު އޮންނަ އިތުބާރު ގެއްލިގެންދާތަން ނުފެނުމަކީ، ކަމުގެ ހައްސާސްކަން ކުޑަވާ ސަބަބެއް ނޫނެވެ.
49. ވުމާއެކު، މި މައްސަލައިގައި ކަންހިނގާ ދިޔަ ގޮތަށް ރިޢާޔަތްކޮށް، އަޙްމަދު އަމީންގެ ފަރާތުން އިޖުރާއަތުގެ ނަހަމަ ބޭނުން ހިފާފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ.
މި މައްސަލައިގައި ހައިކޯޓުން އެޅީ އެކަށީގެންވާ ފިޔަވަޅެއްތޯ
50. ދެން އުފެދޭ ސުވާލަކީ މި މައްސަލައިގެ މައުލޫއުއާ މެދު ހައިކޯޓުން ގޮތެއް ކަނޑަނާޅައި، މައްސަލަ ބޭރުކުރަން ނިންމީ ރަނގަޅަށްތޯއެވެ. އަދި އެއީ މި މައްސަލައިގެ ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް، އާދަޔާ ޚިލާފު ހަރުކަށި އަދަބެއްތޯއެވެ.
51. އިސްތިއުނާފު ކުރެވޭ ހައިކޯޓުގެ ނަންބަރު 2022/HC-A/34 ގަޒިއްޔާގެ 23 ވަނަ ޕެރެގްރާފްގައި މައްސަލަ މައުލޫއީ ގޮތުން ހައިކޯޓުގައި ކުރިއަށް ނުގެންދެވޭނެ ދެ ސަބަބެއް ދީފައިވެއެވެ. އެ ސަބަބުތަކަކީ؛
(ހ) އިޖުރާއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން
(ށ) އަޙްމަދު އަމީން ސިވިލް ކޯޓުގައި އައު އަމުރަކަށް އެދުމުން 10 ޖަނަވަރީ 2022 ގައި އެކަމާމެދު ސިވިލް ކޯޓުން ގޮތެއް ނިންމާފައި އޮތުމުން އިސްތިއުނާފު ކުރެވިފައިވާ ފުރަތަމަ އަމުރާގުޅޭ ނިންމުމުގެ ފާއިލިއްޔަތު މިހާރު ނެތިގޮސްފައިވާކަން
52. އެހެންކަމުން ހައިކޯޓުގެ ނިންމުން ބިނާވެފައިވަނީ ހަމައެކަނި އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ މައްޗަކަށް ނޫނެވެ. އިޖުރާއަތުގެ ނަހަމަ ބޭނުން ހިފުމުގެ ސަބަބުން ޝަރީޢަތުގައި މިފަދަ ފަރުވާތަކަށް އެދުމުގެ ތަރުތީބަށް ލޮޅުން އައިސްފައިވާތީ، ހައިކޯޓުންވަނީ އެކަން ރަނގަޅުކުރުމުގެ ގޮތުން ފުރަތަމަ ސިވިލް ކޯޓުން ނިންމި ނިންމުމަށް ދެން ރިޢާޔަތް ނުކުރެވޭނެކަމަށް ކަނޑައަޅައިފައެވެ.
53. މީގެ މާނައަކީ، އިޖުރާއަތުގެ ތަރުތީބުން ދެން އިސްތިއުނާފު ކުރެވޭނީ ސިވިލް ކޯޓުން މި މައްސަލައިގައި އަމުރެއް ނެރުމާމެދު އެންމެ ފަހުން ނިންމި ނިންމުން ކަމެވެ. އެހެންކަމުން ހައިކޯޓުގެ ނަންބަރު 2022/HC-A/34 ގަޒިއްޔާގެ މައްސަލަ މައުލޫއީ ގޮތުން ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމީ ވަގުތީ އަމުރުގެ މައްސަލައިގައި އިންސާފުގެ ދޮރު އަޙްމަދު އަމީންއަށް ބަންދުވާ ގޮތަކަށް ނޫނެވެ.
54. އަދި މި މައްސަލައިގައި ހައިކޯޓުން އަޅާފައިވާ ފިޔަވަޅަކީ އިޖުރާއަތު ހަމަ މަގަށް އަޅުވަން އެންމެ އެކަށީގެންވާ ފިޔަވަޅު ކަމުގައިވެސް އަހުރެން ދެކެމެވެ.
55. އަމުރެއްގެ މައްސަލަ މުރާޖަޢާކުރުމަށް އެ ކޯޓަށް ހުށަހެޅުމާއި، ހަމަ އެ އަމުރާ ގުޅޭ މައްސަލަ އިސްތިއުނާފު ކުރަން ހައިކޯޓަށް ހުށަހެޅުމާއި، ހަމަ އެ މައްސަލައިގައި އައު އަމުރަކަށް އެދުން މަނާ ކުރާ ޤާނޫނީ ނައްސެއް ނެތްނަމަވެސް، އެކިއެކި ފިޔަވަޅު އެޅުމަށް ފުރިހަމަވާންޖެހޭ ވަކި ޝަރުޠުތަކެއް އެބަހުއްޓެވެ. ޤާނޫނުން އެކި ފިޔަވަޅުތައް އެޅުމަށް ވަކި ޝަރުޠުތަކެއް ލާޒިމުކުރަނީ ދެފަރާތުގެ ޙައްޤުތައްވެސް ހިމާޔަތްކުރުމުގެ ގޮތުންނެވެ. ނަމަވެސް، ޤާނޫނު ކަނޑައެޅިގެން މަނާ ނުކުރާތީ، ޤާނޫނުން ލިބެން އޮތް ހުރިހާ ފަރުވާއަކަށް އެއްފަހަރާ އެދުމަކީ މި އުޞޫލުތައް ކަނޑައެޅިފައި ހުރުމުގެ މަޤުސަދު، އަދި ޤާނޫނުން ލިބިދެވޭ ރައްކާތެރިކަން ބަލިކަށިވާނެ ކަމެކެވެ. އެހެނީ، މީގެ ނަތީޖާއަކީ ކޯޓުގެ އެކި މަރުހަލާތަކުގައި އެއް ފަރުވާއަކަށް އެދި އެކި ހުށަހެޅުން އޮވެ، ކޯޓު އަދި ޚަސްމުންގެ ވަގުތުތައް ބޭކާރުވެ، ފުށުއަރާ ނިންމުންތައް ހުރުމަށް މަގުފަހިވެ، ޢަމަލުކުރަންޖެހޭ ނިންމުމާމެދު ސުވާލު އުފެއްދުމުގެ ފުރުސަތު އޮތުމެވެ. މިއީ ބޭއިންސާފާއި ކޯޓުތަކުގެ ނިންމުންތައް ދެމިއޮންނާނެކަމުގެ ޔަޤީންކަން ބަލިކަށިވުމަށް ހުޅުވިގެންދާނެ ދޮރެކެވެ.
56. އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2022/HC-A/34 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް އަޙްމަދު އަމީންއަށް ހުށަހެޅިފައިވާކަމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
57. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
58. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/34 ގަޒިއްޔާގައިވާ އިޖުރާއީ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: މަޙާޒު ޢަލީ ޒާހިރު އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު (ރިޔާސަތު)
1 ގަވާއިދު ނަންބަރު 2017/R-20
2 ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ގަޒިއްޔާ
3 އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2022/HC-A/34 ގަޒިއްޔާގެ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓުގެ 9 ވަނަ ނުކުތާ
4 "ހައިކޯޓަށް މައްސަލަ ބަލައިގަތްކަން އަންގާ އެންގުން" ގައި އެ ކޯޓަށް މައްސަލަ ލިބުނު ތާރީޚުކަމަށް އޮންނަނީ 5 ޖަނަވަރީ 2022 އެވެ. ނަމަވެސް މައްސަލަ އިސްތިއުނާފަށް ހުށަހެޅި ތާރީޚުކަމަށް އަޙްމަދު އަމީންގެ ފަރާތުން ބުނެފައިވަނީ 29 ޑިސެންބަރު 2021 ކަމަށެވެ.
5 ސިވިލް ކޯޓުގެ ނަންބަރު 144-B3-CR1/VN/2022/01 "ވަގުތީ އަމުރާމެދު ނިންމިގޮތް" (10 ޖަނަވަރީ 2022) ގެ 23 ވަނަ ޕެރެގްރާފް
6 ޤާނޫނު ނަންބަރު 2021/32
7 ޝަރޫ ލޯންޗް ސަރވިސް ޕްރައިވެޓް ލިމިޓެޑް ވ. ދަ މޮރިޝަސް ކޮމަރޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް [2022] SC 12، އެސްޓޭޓް އިންޓަރނޭޝަނަލް ޕްރައިވެޓް ލިމިޓެޑް ވ. އުސާމަތު އިސްމާޢީލް [2022] SC 32، ބޭންކް އޮފް ސިލޯން ވ. ތެލުވެލިގާ ރިޓްރީޓް ޕްރައިވެޓް ލިމިޓެޑް 2019/SC-S/47 އަދި މިނޫންވެސް އެތައް އެހެން މައްސަލަތައް ހިމެނެއެވެ.
8 [2020] EWCA Civ 1015
9 އަޙްމަދު އަމީންގެ ފަރާތުން ހުށަހެޅިCable v Liverpool Victoria Insurance Co Ltd [2020] EWCA Civ 1015 ގައި ހަވާލާދީފައިވާ Hunter v Chief Constable of West Midlands Police [1982] AC 529 at 536 ގައި Lord Diplock
“My Lords, this is a case about abuse of the process of the High Court. It concerns the inherent power which any Court of Justice must possess to prevent misuse of its procedure in a way which, although not inconsistent with the literal application of its procedural rules, it would nevertheless be manifestly unfair to a party to litigation before it, or would otherwise bring the administration of justice into disrepute amongst right-thinking people.”
10 އބމ
11 މި ޓެސްޓަކީ އެންމެ ފުރަތަމަ at 764 Her Majesty’s Attorney General v Paul Evan John Barker [2000] 1FLR 759 ގަޒިއްޔާގައި ބޭނުންކޮށްފައިވާ ޓެސްޓެކެވެ. އެ ގަޒިއްޔާގައި Lord Binghamގެ އިބާރާތުން އެބިއުސް އޮފް ޕްރޮސެސްއަކީ
“…a use of the court process for a purpose or in a way which is significantly different from the ordinary and proper use of the court process”.
12 ޤާނޫނު ނަންބަރު 22/2010
13 ހައިކޯޓުގެ ނަންބަރު 2019/HC-S-A/15 ގަޒިއްޔާ
14 އބމ
2022/SC-A/46 [2024] SC 33
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.