ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2024] SC 44 · 2023/SC-A/26

މުޙައްމަދު ޝާހިދު ވ. އެލް.އެފް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
1 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 3 ސެޕްޓެމްބަރު 2024ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2022/HC-A/471
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ހައިކޯޓުގެ އަޣްލަބިއްޔަތުން ޚަރަދުގެ ސެކިއުރިޓީ ބަހައްޓަން ނުއަންގައި، ނަމަވެސް އައު ނުކުތާތަކުގެ މައްޗަށް ހުށަހެޅި އިސްތިއުނާފު ކުރިއަށް ނުގެންދެވޭނެކަމަށާއި، 24 އެޕްރީލް 2019 ގެ ފޯމުގެ ނުކުތާތަކަށް ބިނާކޮށް 10 ދުވަހުގެ ތެރޭ އިސްތިއުނާފުކުރަން އެންގިއެވެ. އަޤައްލިއްޔަތު ރައުޔުގައި ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމެއް ނުވާކަމަށް ބުނެފައިވެއެވެ.
ވާޤިޢާ
ސިވިލް ކޯޓުގެ C/2018-Cv/528 (ކުލި އެއްބަސްވުމާބެހޭ) ޙުކުމް އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުން ނުދިނުމުން، ސުޕްރީމް ކޯޓުން މުރާޖަޢާކޮށް (HCL/45-SC/2022) ހުއްދަދީ 10 ދުވަހުގެ ތެރޭ ފޯމު ހުށަހަޅަން އެންގުމުން، މުޙައްމަދު ޝާހިދު 04 ޑިސެންބަރު 2022 ގައި ފޯމެއް ހުށަހެޅިއެވެ؛ 24 އެޕްރީލް 2019 ގެ ފޯމުގެ ކޮޕީ ކޯޓަށް އެދުނު ނަމަވެސް ލިބިފައި ނުވެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ސުޕްރީމް ކޯޓުން އިސްތިއުނާފުކުރުމުގެ ހުއްދަދިނުމަށްފަހު ހައިކޯޓަށް ހުށަހެޅި އިސްތިއުނާފު ކުރިއަށް ގެންދަންވާނީ 24 އެޕްރީލް 2019 ގެ ފޯމުގެ މައްޗަށްތޯ ނުވަތަ ސުޕްރީމް ކޯޓުގެ ނިންމުން ބިނާކުރި 04 ޑިސެންބަރު 2022 ގެ ފޯމުގެ މައްޗަށްތޯ؛ އަދި އައު އިސްތިއުނާފީ ފޯމެއް ހުށަހެޅުމަކީ މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުޙައްމަދު ޝާހިދު ބުނީ ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީއާއި ކޯޓުތަކުގެ ޤާނޫނާ ޚިލާފު، އަދި ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 421 ވަނަ މާއްދާ ތަޠުބީޤުކުރީ HCL/45-SC/2022 ނިންމުމާ ޚިލާފަށް ކަމަށެވެ. އެލް.އެފް ކޮންސްޓްރަކްޝަން ބުނީ އައު ނުކުތާތަކެއް ހުށަހެޅުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުގެ ހުއްދަ ބިނާކުރީ ސުޕްރީމް ކޯޓަށް ހުށަހެޅުނު 04 ޑިސެންބަރު 2022 ގެ ފޯމުގެ ސަބަބުތަކަށް ކަމުން، ކޯޓަށް ހުށަނޭޅޭ ފޯމެއްގެ މައްޗަށް ހައިކޯޓަށް ގޮތެއް ނިންމޭކަށް ނެތެވެ. ފޯމުގެ ކޮޕީ ނުލިބިގެން އައު ފޯމު ހުށަހެޅުމަކީ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމެއް ކަމަށް ސާބިތުކޮށްދެވިފައި ނުވެއެވެ.

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު؛ 2023/HC-A/104 ކުރިއަށް ނުގެންދިއުމަށާއި 04 ޑިސެންބަރު 2022 ގެ ނުކުތާތަކާއެކު ހުށަހަޅާ ފޯމު ބަލައިގަތުމަށް ހައިކޯޓަށް އަމުރު

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މަދަނީ › މަދަނީ – އިޖުރާއީ (ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން، އިސްތިއުނާފު ފޯމު، ޝަރީޢަތުގެ ޚަރަދު)

HN1 ޝަރީޢަތް ކުރެވެނީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ކަންކަމުގެ މައްޗަށް ބިނާކޮށެވެ؛ ޝަރީޢަތުގެ ކުރިމައްޗަށް ހުށަނޭޅޭ ލިޔުމެއްގެ މައްޗަށް ބިނާކޮށް ފަނޑިޔާރަކަށް ގޮތެއް ނިންމިދާނެ ކަމަކަށް ނުދެކެމެވެ.

HN2 ސުޕްރީމް ކޯޓުން އިސްތިއުނާފުކުރުމުގެ ހުއްދަ ދީފައިވަނީ އެ ކޯޓަށް ހުށަހެޅުނު ފޯމެއްގައިވާ ސަބަބުތަކަށް ބިނާކޮށް ނަމަ، ހައިކޯޓުން އެ ފޯމު ފިޔަވައި ސުޕްރީމް ކޯޓަށް ހުށަހެޅިފައިނުވާ ސަބަބުތަކެއް ހިމެނޭ އެހެން ފޯމެއްގެ މައްޗަށް ބަހުސްކޮށް އަލުން ގޮތެއް ކަނޑައެޅިދާނެ ހަމައެއް ނެތެވެ؛ ސުޕްރީމް ކޯޓުގެ ނިންމުން ބިނާކުރީ ސުޕްރީމް ކޯޓަށް ހުށަނޭޅޭ ފޯމެއްގެ ސަބަބުތަކަށްކަމަށް ހައިކޯޓުން އިފްތިރާޟުކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

HN3 ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަކީ މަދަނީ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގައި ނުވަތަ ހިންގުމުގައި މައްސަލައިގެ ޚަސްމަކު ނުވަތަ ޚަސްމަކު ތަމްސީލުކުރާ ފަރާތަކުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމެވެ؛ 421 ވަނަ މާއްދާގެ (ށ) ގައި އޭގެ ތެރޭގައި ހިމެނެނީ ސަބަބެއް ނުވަތަ ބޭނުމެއްނެތި ކުރާ ޢަމަލު، އެހެން މީހުންނަށް އުނދަގޫވާގޮތަށް ހިންގާ ޢަމަލު، ހައްދެއް ނުވަތަ އެކަށީގެންވާ ސަބަބެއްނެތި އެހެން ފަރާތަކަށް ގެއްލުންވާގޮތަށް އިޖުރާއަތު ބޭނުންކުރުން، އިންސާފަށް ހުރަސްއެޅުން، އަދި ޢާންމު މަޝްވަރާގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުމެވެ.

HN4 421 ވަނަ މާއްދާގެ (ށ) ގައިވާ ކަންކަމަކީ ނިހާއީ ލިސްޓެއް ނޫނެވެ؛ މައްސަލައެއް ރަޖިސްޓްރީކުރުމުގެ މަރުޙަލާގައިވެސް މިފަދަ ޢަމަލެއް ހިނގާފާނެއެވެ؛ ކޮންމެ ޙާލަތެއްގައިވެސް ފުރަތަމަ ބަލަންޖެހެނީ ސުވާލު އުފެދިފައިވާ ޢަމަލަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންހިފުމަށް ޚަސްމަކު ކުޅަ ޢަމަލެއްތޯ، އަދި އެފަދަ ޢަމަލެއްނަމަ އެކަށީގެންވާ ފިޔަވަޅެއް އެޅުމެވެ.

HN5 ކުރިން ހުށަހެޅި އިސްތިއުނާފު ފޯމުގެ ކޮޕީއަކަށް ކޯޓަށް އެދުނު ނަމަވެސް ލިބިފައިނުވާ ޙާލަތެއްގައި އައު އިސްތިއުނާފީ ފޯމެއް ހުށަހެޅުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމެއް ނޫނެވެ؛ 421 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އެކަން ސާބިތުކޮށްދެވިފައި ނުވާނަމަ އެ ނަތީޖާއަށް ނުދެވޭނެއެވެ.

HN6 މައްސަލައިގައި ކަންހިނގާފައިވާ ގޮތަށާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 272 ވަނަ މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރަށް ރިޢާޔަތްކުރާއިރު، ޝަރީޢަތުގެ ޚަރަދު ނަގައިދޭންޖެހޭ ތަނެއް ނެތެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޢަލީ ރަޝީދު ޙުސައިން، ޙުސްނުއް ސުޢޫދު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް
މި ކޯޓުގައި
ހުށަހެޅުނީ 19 މާރިޗު 2023 · ރަޖިސްޓްރީކުރީ 6 ޖޫން 2023 · ނިމުނީ 3 ސެޕްޓެމްބަރު 2024 (14.9 މަސް)

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 44 2023/SC-A/26 ޝަރީޢަތް ނިމުނުގޮތް މުޙައްމަދު ޝާހިދު ވ. އެލް. އެފް. ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޙުސްނުއް ސުޢޫދު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 03 ސެޕްޓެމްބަރ 2024

އިސްތިއުނާފު ކުރެވުނު ގަޟިއްޔާ 2022/HC-A/471 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް އެލް. އެފް. ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް މުޙައްމަދު ޝާހިދު، ހ. ސައުތުރީފް، މާލެ ޤާނޫނީ ވަކީލު:

ސާދިޙު ނަޞީރު، މުހާމީން ޗެމްބަރސް އެލް.އެލް.ޕީ ޤާނޫނީ ވަކީލު:

ޝާހީން ޙަމީދު

މަދަނީ މައްސަލަ – އިޖުރާއީ ނިންމުން – ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 421 ވަނަ މާއްދާ – ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުން – ޝަރީޢަތުގެ ޚަރަދު ނަގައިދިނުން – ސުޕްރީމް ކޯޓުން އިސްތިއުނާފުކުރުމުގެ ހުއްދަދޭ މައްސަލަތައް ހައިކޯޓަށް ހުށަހެޅުން

ފިހުރިސްތު

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) 1

ތަޢާރުފު 1

ފަސްފަހަތް 1

ހައިކޯޓުގެ އިޖުރާއީ ނިންމުން 4

ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު 6

ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލު 7

އިސްތިއުނާފު ފޯމު ހުށަހެޅުން 8

ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުން 9

ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވޭތޯ 10

ޝަރީއަތުގެ ޚަރަދު 11

މައްސަލަ ނިންމަން ފެންނަ ގޮތް 12

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު 12

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 12

ޙުކުމް 12

` މުޙައްމަދު ޝާހިދު ވ. އެލް. އެފް. ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް [2024] SC 44 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު

1މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/471 ޤަޟިއްޔާއިން ނިންމާފައިވާ އިޖުރާއީ ނިންމުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށް ބުނެ މާލެ، ހ. ސައުތުރީފް، މުޙައްމަދު ޝާހިދު1 (މީގެފަހުން "މުޙައްމަދު ޝާހިދު" ކަމަށް ބުނެފައިވާ ފަރާތުން) އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ އެލް. އެފް. ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް2 (މީގެފަހުން "އެލް. އެފް. ކޮންސްޓްރަކްޝަން" ކަމަށް ބުނެފައިވާ ފަރާތް) އަށެވެ.

ފަސްފަހަތް

2ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާއަކީ މުޙައްމަދު ޝާހިދުގެ ފަރާތުން އެލް. އެފް. ކޮންސްޓްރަކްޝަންގެ މައްޗަށް ހުށަހެޅި، ބިމާއި ޢިމާރާތް ކުއްޔަށް ދިނުމާބެހޭ މައްސަލަ ބެލުނު ޤަޟިއްޔާއެވެ. އެ ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ 08 ނޮވެންބަރު 2018 ގައެވެ.

3މި މައްސަލަ އިސްތިއުނާފު ކުރުމުގެ މުހުލަތު 7 ދުވަހަށް އިތުރުކޮށްދިނުމަށް އެދި 27 ނޮވެންބަރު 2018 ގައި މުޙައްމަދު ޝާހިދު ހައިކޯޓަށް ސިޓީއެއް ފޮނުވާފައިވެއެވެ. ނަމަވެސް އިސްތިއުނާފުކުރުމުގެ މުއްދަތު ހަމަވެފައިވާތީ، އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ ފޯމު ހުށަހެޅުމަށް ހައިކޯޓުން އަންގާފައިވެއެވެ.

4އެ ޤަޟިއްޔާގެ ޚުލާޞާއަށް ބިނާކޮށް ސިވިލް ކޯޓުގެ ޙުކުމް އިސްތިއުނާފު ކުރުމުގެ ހުއްދައަށް މުޙައްމަދު ޝާހިދުގެ ފަރާތުން 29 ނޮވެންބަރު 2018 ގައި ހައިކޯޓުގައި އެދި ހުށަހަޅާފައިވެއެވެ. އެ ހުށަހެޅުމުގައި، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު ލިބުމުން އެ ރިޕޯޓު ހުށަހަޅާނެ ކަމަށް މުޙައްމަދު ޝާހިދު ބަޔާންކޮށްފައިވެއެވެ. އެހެން ނަމަވެސް ރިޕޯޓު ހުށަހަޅާފައި ނުވާކަމުގެ މައްޗަށް ބިނާކޮށް، ލިޔުންތައް ހަމަކޮށް މައްސަލަ ހުށަހެޅުމަށްޓަކައި މައްސަލަ ހައިކޯޓުން އަނބުރާ ފޮނުވާލާފައިވެއެވެ.3

5ސިވިލް ކޯޓުން ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ލިބުމުން، ބަޔާންވެދިޔަ ޤަޟިއްޔާ އިސްތިއުނާފުކުރުމަށް 24 އެޕްރީލް 2019 ގައި މުޙައްމަދު ޝާހިދު ގެ ފަރާތުން ހައިކޯޓަށް ("24 އެޕްރީލް 2019 ގެ އިސްތިއުނާފީ ފޯމު") ހުށަހެޅިއެވެ. އެހެން ނަމަވެސް ސިވިލް ކޯޓުގެ ޤަޟިއްޔާގެ ޚުލާޞާ ރިޕޯޓު ޙުކުމްކުރި ދުވަހު ދޫކުރެވިފައިވާކަން ސިވިލް ކޯޓުގެ ނަންބަރު ސިޓީއިން4 އެނގެން އޮންނާތީ އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2010/4 ޢާއްމު ސިޓީގެ 1 ވަނަ ނަންބަރުގެ (ށ) އަށް ރިޢާޔަތްކޮށް މުޙައްމަދު ޝާހިދުގެ ފަރާތުން މަޤުބޫލު ސަބަބެއް ނެތި އިސްތިއުނާފީ މުއްދަތުގައި އިސްތިއުނާފު ކުރުމަށް ހުށަހަޅާފައި ނުވާކަމަށް ބަޔާންކޮށް ހުއްދަ ނުދިނުމަށް ހައިކޯޓުން ނިންމާފައިވެއެވެ.5

6ހައިކޯޓުގެ އެ ނިންމުން މުޙައްމަދު ޝާހިދުގެ ފަރާތުން 16 ޖުލައި 2019 ގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން، ހައިކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބެލޭނެ އަސާސެއް ނެތުމުންނާއި، އިސްތިއުނާފު މުއްދަތުގައި އިސްތިއުނާފަށް ހުށަނޭޅުނު މަޤުބޫލު ސަބަބެއް މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހަޅާފައި ނުވާތީ، މައްސަލަ ބަލައިނުގަތުމަށް 01 އޮކްޓޫބަރު 2019 ގައި ސުޕްރީމް ކޯޓުން ނިންމާފައިވެއެވެ.6

7ސުޕްރީމް ކޯޓުގެ ބަޔާންވެދިޔަ ނިންމުން މުރާޖަޢާކުރުމަށް އެދި މުޙައްމަދު ޝާހިދުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅިއެވެ. މުޙައްމަދު ޝާހިދުގެ ފަރާތުން ބަޔާންކޮށްފައިވާ ސަބަބުތަކަށާއި، މައްސަލައިގެ ބާވަތަށް ރިޢާޔަތްކޮށް، މި މައްސަލަ މުރާޖަޢާކުރުމަށްޓަކައި ބަލައިގަތުމަށް ސުޕްރީމް ކޯޓުން ނިންމިއެވެ. އަދި މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހެޅި މައްސަލައަކީ، އިސްތިއުނާފުކުރުމުގެ ހުއްދަ ހައިކޯޓުން ދޭންޖެހޭ މައްސަލައެއް ކަމަށް 22 ނޮވެންބަރު 2022 ގައި ނިންމައި، 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ފޯމު ("22 ނޮވެންބަރު 2022 ގެ އިސްތިއުނާފީ ފޯމު") ހައިކޯޓަށް ހުށަހެޅުމަށް މުޙައްމަދު ޝާހިދު އަށް އަންގާފައިވެއެވެ.7

804 ޑިސެންބަރު 2022 ގައި މުޙައްމަދު ޝާހިދު ހުށަހެޅި އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅުމުން އެ މައްސަލަ 19 ޑިސެންބަރު 2022 ގައި ރަޖިސްޓްރީ ކުރެވިފައިވަނީ އެކޯޓުގެ ނަންބަރު 2022/HC-A/471 ޤަޟިއްޔާގެ ގޮތުގައެވެ.

9މި މައްސަލަ ހައިކޯޓަށް ހުށަހެޅިފައިވާކަން، އެކޯޓުން މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ އެލް. އެފް. ކޮންސްޓްރަކްޝަން އަށް އެންގުމުން، އެލް. އެފް. ކޮންސްޓްރަކްޝަން ގެ ފަރާތުން ސިޓީއަކުން އެކޯޓަށް ހުށަހެޅުންތަކެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ އަންނަނިވި ކަންތަކެވެ.

(1) މައްސަލައިގެ ޖަވާބު ހުށަހެޅުމަށް އިތުރު 20 ދުވަހުގެ މުއްދަތު ދިނުން؛

(2) 45,000/-ރ. ގެ ސެކިއުރިޓީ އެއް 20 ދުވަހުގެ ތެރޭގައި ހައިކޯޓުގައި ޑިޕޮޒިޓް ކުރުމަށް މުޙައްމަދު ޝާހިދުއަށް އެންގުމަށާއި، އެ މުއްދަތުގެ ތެރޭގައި ޑިޕޮޒިޓް ނުބަހައްޓައިފިނަމަ މައްސަލަ ބާޠިލުކޮށްދިނުން؛

(3) ހައިކޯޓުގެ މި މައްސަލައިގައި މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަކީ 29 އެޕްރީލް 2019 ގައި މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހެޅި ފޯމުގައިވާ އިސްތިއުނާފީ ނުކުތާތައް ނޫން، އައު ނުކުތާތަކެއް ކަމަށްވާނަމަ، އެއީ މަދަނީ އިޖުރާއަތުގެ ޤާނޫނު8 ގެ 421 ވަނަ މާއްދާގެ ދަށުން ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރި ކުރުމަށްވާނެކަމަށް އެލް. އެފް. ކޮންސްޓްރަކްޝަން އަށް ޤަބޫލުކުރެވޭތީ، އިސްތިއުނާފީ މައްސަލަ ބާޠިލުކޮށްދިނުން.

10އިސްތިއުނާފު ކުރެވިފައި މިވާ ހައިކޯޓުގެ އިޖުރާއީ ނިންމުން ނިންމާފައިވަނީ އިސްވެ ބަޔާންވެދިޔަ ކަންކަމާ ގުޅިގެންނެވެ.

ހައިކޯޓުގެ އިޖުރާއީ ނިންމުން

11ހައިކޯޓުގެ ނަންބަރު 2022/HC-A/471 ޤަޟިއްޔާގެ ޙުކުމްކޮށްފައިވަނީ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުންނެވެ. އެ ނިންމުމުގައިވަނީ، އެލް. އެފް. ކޮންސްޓްރަކްޝަން އިން އެދިފައިވާ ގޮތަށް ޝަރީޢަތުގެ ޚަރަދުގެ ސެކިއުރިޓީއެއް ބަހައްޓަން މުޙައްމަދު ޝާހިދުއަށް އަންގާނެ ތަނެއް ނެތް ކަމަށެވެ. އެހެން ނަމަވެސް، އައު އިސްތިއުނާފީ ނުކުތާތަކުގެ މައްޗަށް ބިނާކޮށް 04 ޑިސެންބަރު 2022 ގައި މުޙައްމަދު ޝާހިދު ހުށަހެޅި އިސްތިއުނާފު ބަލައިގަނެ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި، 24 އެޕްރީލް 2019 ގައި ހައިކޯޓަށް ހުށަހެޅި ފޯމުގައިވާ އިސްތިއުނާފީ ނުކުތާތަކަށް ބިނާކޮށް 10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް މުޙައްމަދު ޝާހިދުއަށް އަންގާފައިވެއެވެ. ހައިކޯޓުން މިފަދައިން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށެވެ.

11.1. 24 އެޕްރީލް 2019 ގައި މުޙައްމަދު ޝާހިދު ހުށަހެޅި އިސްތިއުނާފު ފޯމުގައްޔާއި، 04 ޑިސެންބަރު 2022 ގައި ހުށަހެޅި އިސްތިއުނާފު ފޯމުގައި ހުރި ތަފާތުތައް އެލް. އެފް ކޮންސްޓްރަކްޝަން ގެ ފަރާތުން ކަނޑައެޅިގެން ބަޔާންކޮށްދީފައި ނުވިނަމަވެސް، އެ ދެ ފޯމުގައި ބަޔާންކޮށްފައިވާ އިސްތިއުނާފީ ނުކުތާތައް ތަފާތުކަން ފުރަތަމަ ނަޒަރުން ބެލުމުންވެސް އެނގެން އޮންނަ އޮތުން ފާހަގަކުރެވޭތީ، އެލް. އެފް. ކޮންސްޓްރަކްޝަން އަށް އެކަން ބަޔާންކޮށްދެވިފައިވާކަން؛

11.2. މި ޙާލަތުގައި ސާބިތުކުރުމުގެ ބުރަ ފުރޮޅިގެން ދަނީ މައްސަލަ ހުށަހެޅި ފަރާތުގެ މައްޗަށްކަން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ނ) އިން އެނގެން އޮންނާތީ، މުޙައްމަދު ޝާހިދު ގެ ފަރާތުން ދެ ކަމެއް ސާބިތުކޮށްދޭން ޖެހޭ ކަމާއި، ފުރަތަމަ ކަމަކީ، އިސްތިއުނާފަށް މިހާރު ހުށަހަޅާފައިވާ ހުށަހެޅުމަކީ ހައްދެއް ނެތި ނުވަތަ އެކަށީގެންވާ ސަބަބެއް ނެތި ހުށަހެޅި ހުށަހެޅުމެއް ނޫންކަމާއި، އަދި ދެވަނަ ކަމަކީ، އެ ހުށަހެޅުން ހުށަހެޅުމަށް ޤާނޫނުން ތަންދޭކަން ސާބިތުކޮށްދިނުން ކަން؛

11.3. 24 އެޕްރީލް 2019 ގައި ހުށަހެޅި އިސްތިއުނާފު ފޯމު ހޯދުމަށް މުޙައްމަދު ޝާހިދު 20 ނޮވެންބަރު 2022 ގައި ހައިކޯޓަށް ސިޓީ ފޮނުވި ކަމާއި، އެ ސިޓީ އަށް އެކޯޓުން ޖަވާބުދީފައި ނުވާކަން އެނގެން އޮންނައިރު، މި ޙާލަތުގައި އައު އިސްތިއުނާފީ ނުކުތާތަކެއްގެ މައްޗަށް ބިނާކޮށް އިސްތިއުނާފަށް ހުށަހެޅި ހުށަހެޅުމަކީ މުޙައްމަދު ޝާހިދު ކުރިން ހުށަހެޅި ފޯމު ލިބިފައިނުވާތީ ހުށަހެޅި ހުށަހެޅުމެއް ކަމަށް ބަލައި، އެއީ އެކަށީގެންވާ ސަބަބެއް އޮވެގެން ހުށަހެޅި ހުށަހެޅުމެއް ކަމާއި، އެހެން ނަމަވެސް އައު ނުކުތާތަކާއެކު އިސްތިއުނާފުކުރުމަށް ހުށަހެޅުމަށް އެއްވެސް ހުރަހެއް ނެތްކަމަށް ބުނެފައިވީ ނަމަވެސް، އެކަމަށް ބާރުދޭ ޤާނޫނީ ޙުއްޖަތެއް މުޙައްމަދު ޝާހިދުގެ ފަރާތުން ބަޔާންކޮށްދީފައި ނުވާކަން.

12ހައިކޯޓުގެ އެ ޤަޟިއްޔާގެ އަޤައްލިޔަތު ރައުޔުގައި ވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ ދަށުން، ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމުގެ ސަބަބުން އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތްތަކުގެ ތެރެއިން ވުޖޫދުވެފައިވަނީ ކޮން ޙާލަތެއް ކަމެއް އެލް. އެފް. ކޮންސްޓްރަކްޝަން އަށް ބުނެދެވިފައި ނުވާކަމަށާއި، އިސްތިއުނާފު ފޯމުގެ ކޮޕީއެއް ހައިކޯޓުން ލިބޭތޯ ބަލަބަލައި ތިބުމުގެ ބަދަލުގައި އިސްތިއުނާފު ޙައްޤު ގެއްލިގެން ނުދިއުމުގެ މަޤުޞަދުގައި އަދި މުވައްކިލުންގެ ޙައްޤުގައި، ހެޔޮނިޔަތުގައި މުޙައްމަދު ޝާހިދުގެ ވަކީލުން އައު އިސްތިއުނާފީ ފޯމެއް ހުށަހެޅުމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުންކަމަށް ޤާނޫނީ ގޮތުން ނުބެލެވޭ ކަމަށެވެ. އަދި މި މައްސަލައިގައި މުޙައްމަދު ޝާހިދުގެ ފަރާތުން ދިފާޢުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކޮށް، ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އައު އިސްތިއުނާފީ ފޯމެއް ހުށަހެޅުމަކީ ސަބަބެއްނެތި ނުވަތަ ވަގުތު ބޭކާރުކުރުމަށް ނުވަތަ ވަކިފަރާތަކަށް ގެއްލުންވާގޮތަށް އިޖުރާއަތުގެ ބޭނުންކުރުމަށް ނުވަތަ އިންސާފަށް ހުރަސްއެޅުމަށް ކޮށްފައިވާ މަސައްކަތެއް ކަމަށް ނުވަތަ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް ކޮށްފައިވާ ކަމެއްކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ނ) ގެ ދަށުން އެލް. އެފް. ކޮންސްޓްރަކްޝަންއަށް އެކަށީގެންވާ މިންވަރަށް ބަޔާންކޮށްދެވިފައި ނުވާކަމަށެވެ.

13ހައިކޯޓުގެ އިޖުރާއީ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ މުޙައްމަދު ޝާހިދުގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ވެއެވެ.

ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

14ހައިކޯޓުގެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ފެންނަ ނުކުތާތަކުގެ ގޮތުގައި އިސްތިއުނާފީ ދެ ނުކުތާ މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހަޅާފައިވެއެވެ.

14.1. އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ، ހައިކޯޓުގެ ނިންމުމަކީ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އާއި، 145 ވަނަ މާއްދާގެ (ނ) އާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު9 ގެ 4 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި، ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނު 10ގެ 5 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ ޚިލާފު ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

14.2. އިސްތިއުނާފީ ދެވަނަ ނުކުތާއަކީ، ހައިކޯޓުގެ ޤަޟިއްޔާ ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ނ) އަދި (ބ) ގެ (1) ވަނަ ނަންބަރު ތަޠުބީޤުކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/45 ނިންމުމާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ޝަރީޢަތުގެ ކުރިމަތީގައި އޮތް ސުވާލު

15މަތީގައި ބަޔާންކުރެވިފައިވާ އިސްތިއުނާފީ ދެ ނުކުތާއާއި، އެ ދެ ނުކުތާގެ ތަފްސީލުގައި ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލައި މުޅި މައްސަލާގައި ޙަވާލާދެވެނީ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/45 މި ނިންމުމަށެވެ. ސުވާލު އުފެދިފައިވަނީ ސުޕްރީމް ކޯޓުގެ އެނިންމުމާއެކު މުޙައްމަދު ޝާހިދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 528/Cv-C/2018 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅަންޖެހޭ ފޯމާ ގުޅޭގޮތުންނެވެ. އެއީ، 24 އެޕްރީލް 2019 ގައި މުޙައްމަދު ޝާހިދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާކަމަށް އިޝާރަތްކުރެވޭ އިސްތިއުނާފީ ފޯމުތޯ ނުވަތަ މުޙައްމަދު ޝާހިދުގެ ފަރާތުން 04 ޑިސެންބަރު 2022 ގައި ހުށަހެޅި އިސްތިއުނާފު ފޯމުތޯ ކުރެވޭ ބަހުސްގެ މައްޗަށެވެ.

16އަދި މިއާއެކު ބަހުސްކުރެވެނީ މަދަނީ އިޖުރާއަތު ޤާނޫނުގެ 421 ވަނަ މާއްދާ ގައި ބުނާ ޝަރީޢަތުގެ އިޖުރާއަތު ނަހަމަގޮތުގައި މުޙައްމަދު ޝާހިދު ބޭނުންކޮށްފައިވޭތޯ ކުރެވޭ ސުވާލުގެ މައްޗަށެވެ.

17ވުމާއެކު، އަންނަނިވި ކަންކަމުގެ މައްޗަށް ބަލާލާނަމެވެ.

އިސްތިއުނާފު ފޯމު ހުށަހެޅުން

18މި މައްސަލާގެ އަސާސް ބިނާވާ ވާޤިއީ ސުވާލަކީ މުޙައްމަދު ޝާހިދުއަށް ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފުކުރުމަށް ހުއްދަދީފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/45 މި ނިންމުމުން ބިނާކޮށްފައިވަނީ އެމައްސަލައިގެ ތެރެއިން ސުޕްރީމް ކޯޓަށް ހުށަހެޅިފައިނުވާ، އިޝާރަތްކުރެވޭ 24 އެޕްރީލް 2019 ގެ އިސްތިއުނާފީ ފޯމުތޯ ނުވަތަ ސުޕްރީމް ކޯޓުގެ ނިންމުމަށްފަހު މުޙައްމަދު ޝާހިދުގެ ފަރާތުން 04 ޑިސެންބަރު 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ ފޯމުތޯ ސާފުކޮށް ދިނުމެވެ. އަދި މި ސުވާލުގެ ޖަވާބު ލިބުމުން މިމައްސަލައިގައި ގޮތެއް ކަނޑައެޅުނީކަމަށް ދެކެމެވެ.

19HN2ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/45 މައްސަލާގައި ގޮތެއް ނިންމުމުގެ އަސާސަކީ މުޙައްމަދު ޝާހިދުގެ ފަރާތުން 04 ޑިސެންބަރު 2022 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވާ ސަބަބުތަކެވެ. 24 އެޕްރީލް 2019 ގެ އިސްތިއުނާފީ ފޯމުގެ ކޮޕީއެއް އެހިނދު މަސައްކަތް ކުރެވި ލިބިފައި ނުވެއެވެ. އެހެންކަމުން އެފޯމުގައިވާ އެއްވެސްކަމަކަށް ސުޕްރީމް ކޯޓުން އެމައްސަލާގައި ގޮތެއް ނިންމުމުގައި ރިޢާޔަތް ކުރުމުގެ ފުރުސަތެއް ނެތެވެ. އަދި މިހާރު ވެސް އެފޯމުގައި ބަޔާންކޮށްފައިވާ ސަބަބުތަކާއި، ފަހުން 04 ޑިސެންބަރު 2022 ހުށަހަޅާފައިވާ އިސްތިއުނާފީ ފޯމުގައި ބަޔާންކުރާ ކަންކަމާއި ހުރި ތަފާތެއް ބެލިފައި ނުވެއެވެ. އަދި ދެ ފޯމުގައި ހުރި ތަފާތުގެ ތަފްސީލެއް ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ވެސް އެނގެން ނެތެވެ. ކަންމިހެން އޮތްއިރު، ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/45 ނިންމުން ބިނާކޮށްފައިވަނީ 24 އެޕްރީލް 2019 ގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި ފޯމުގައިވާ ސަބަބުތައްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިފްތިރާޟުކޮށްފައިވަނީ ރަނގަޅަށް ކަމަކަށް ނުދެކެމެވެ.

20HN1ޝަރީޢަތް ކުރެވެނީ ފަނޑިޔާރުގެ ކުރިމައްޗަށް ހުށަހެޅޭ ކަންކަމުގެ މައްޗަށް ބިނާކޮށެވެ. ޝަރީޢަތުގެ ކުރިމައްޗަށް ހުށަނޭޅޭ ލިޔުމުގެ މައްޗަށް ބިނާކޮށް ފަނޑިޔާރަކަށް ގޮތެއް ނިންމިދާނެ ކަމަކަށް ނުދެކެމެވެ.

21ވުމާއެކު، މިހާރު ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/45 މި ނިންމުން ބިނާކުރި ސަބަބުތައް ހިމެނޭ ފޯމު (04 ޑިސެންބަރު 2022 ގެ ފޯމު) ފިޔަވައި އެހެން ކަންތައްތަކެއްގެ މައްޗަށް ނުވަތަ ސުޕްރީމް ކޯޓަށް ހުށަހެޅިފައި ނުވާ ސަބަބުތަކެއް ހިމެނޭ ފޯމު (24 އެޕްރީލް 2019 ގެ ފޯމު) ގެ މައްޗަށް ބަހުސްކޮށް އަލުން ގޮތެއް ކަނޑައެޅިދާނެ ހަމައެއްވެސް ނެތެވެ. އަދި ސުޕްރީމް ކޯޓުގެ އެނިންމުމުގައި ބަޔާންކުރާ ކަންކަމާ ދުރަށްދާންޖެހޭ ސަބަބެއް ވެސް ނެތެވެ.

ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުން

22ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލާގައި ގޮތެއް ނިންމާފައިވަނީ މުޙައްމަދު ޝާހިދު އައު އިސްތިއުނާފީ ފޯމެއް ހުށަހަޅައި ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކޮށްފައިވާ ގޮތުގެ މައްޗަށެވެ.

23HN3ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމަކީ ކޮބައިތޯ؟ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުންކުރުމަކީ މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި އުފުލޭ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގައި ނުވަތަ އެފަދަ ދަޢުވާއެއް ކޯޓުގައި ހިންގުމުގެ މަރުޙަލާގައި މައްސަލައިގެ ޚަސްމަކު ނުވަތަ ޚަސްމަކު ތަމްސީލުކުރާ ފަރާތަކުން ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކުރުމެވެ.11 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 (ށ) ގައި ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޢަމަލުގެ ތެރޭގައި ހިމެނެނީ،

(ހ) ސަބަބެއް ނުވަތަ ބޭނުމެއްނެތި ކުރާ ޢަމަލުތައް؛ ނުވަތަ

(ށ) އެހެން މީހުންނަށް އުނދަގޫވާ ގޮތަށް ހިންގާ ޢަމަލުތައް؛ ނުވަތަ

(ނ) ވަކި ހައްދެއްނެތި ނުވަތަ އެކަށީގެންވާ ސަބަބެއްނެތި އެހެން ފަރާތަކަށް ގެއްލުންވާނެ ފަދަގޮތަކަށް އިޖުރާއަތު ބޭނުން ކުރުން: ނުވަތަ

(ރ) އިންސާފަށް ހުރަސްއެޅުމަށް މަސައްކަތްކުރުން؛ ނުވަތަ

(ބ) ޢާންމު މަޝްވަރާކުރުމުގައި އެހެން ފަރާތަކަށް ލިބިގެންވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކުރުން.

24HN4މަތީގައި ބަޔާންކުރެވިފައިވާ ކަންކަމަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފާފައިވާކަން ބަޔާންކޮށްދޭ ނިހާއީ ލިސްޓެއްނޫނެވެ. ފަހަރުގައި މައްސަލައެއް ރަޖިސްޓްރީ ކުރުމުގެ މަރުޙަލާގައިވެސް މިފަދަ ޢަމަލެއް ހިނގާފާނެއެވެ. މިއިން ކޮންމެ ޙާލަތެއްގައިވެސް ފުރަތަމަ ބަލަންޖެހެނީ ސުވާލު އުފެދިފައިވާ ޢަމަލަކީ ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށް ޚަސްމަކު ކުޅަ ޢަމަލެއްތޯއާއި، އެއީ އެފަދަ ޢަމަލެއްނަމަ، އެކަށީގެންވާ ފިޔަވަޅެއް އެޅުމެވެ.12

ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ކޮށްފައިވޭތޯ ބެލުން

25HN5މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ބަލައި މުޙައްމަދު ޝާހިދުގެ ފަރާތުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ބޭނުން ހިފުމަށް މަސައްކަތް ކޮށްފައިނުވާކަން އެނގެއެވެ. މިކަން މިމައްސަލާގައި ކަން ހިނގާފައިވާ ގޮތުގެ މައްޗަށް ބިނާކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ވެސް ބަޔާންކޮށްފައި ވެއެވެ.13 އަދި އެކޯޓުގެ އަޤައްލިޔަތު ރައުޔުގައި، މުޙައްމަދު ޝާހިދުގެ ފަރާތުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ހިންގުމުގެ ޢަމަލެއް ހިންގާފައި ނުވާކަން ސާބިތުވާކަމަށް ބަޔާންކޮށްފައިވެއެވެ.

26ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުން ހިފާފައިވާ ކަމަށް ބަޔާންކުރާ ޢަމަލަކީ ކުރިން ވެސް ތަފްސީލު ދެވިފައިވާ މި މައްސަލާގައި އޮތް ވާޤިޢީ ސުވާލެވެ. މުޙައްމަދު ޝާހިދުގެ ފަރާތުން 24 އެޕްރީލް 2019 ގައި ހުށަހަޅާފައިވާ ފޯމުގެ ބަދަލުގައި 04 ޑިސެންބަރު 2022 ގައި އައު އިސްތިއުނާފީ ފޯމެއް ހުށަހެޅުމެވެ.

27މިކަން ހިނގާދިޔަ ގޮތަށް ބަލައި ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/45 މައްސަލައިގެ ތެރެއިން 24 އެޕްރީލް 2019 ގެ އިސްތިއުނާފު ފޯމު ހުށަހެޅުމަށް މުޙައްމަދު ޝާހިދު އަށް ސުޕްރީމް ކޯޓުން އެންގުމުން އޭނާ އެފޯމުގެ ކޮޕީ އެއް ލިބޭތޯ މަސައްކަތް ކޮށް، ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/45 މައްސަލަ ނިންމުމާ ހަމައަށްވެސް، 24 އެޕްރީލް 2019 ގެ އިސްތިއުނާފު ފޯމުގެ ކޮޕީ އެއް މުޙައްމަދު ޝާހިދު އަށް ލިބިފައި ނުވާކަން އެނގެއެވެ.

28އެ ފޯމު ލިބިފައިވަނީ، އިސްތިއުނާފު ކުރެވިފައި މިވާ ހައިކޯޓުގެ ނިންމުން އެކޯޓުން ނިންމައި، އެ ނިންމުމުގެ ކޮޕީ އީމެއިލް މެދުވެރިކޮށް ހައިކޯޓުން މުޙައްމަދު ޝާހިދު އަށް ފޮނުވިއިރު، އިސްތިއުނާފު ފޯމު އެ އީމެއިލްގައި އެޓޭޗްކޮށް ފޮނުވުމުން ކަމަށް މުޙައްމަދު ޝާހިދުގެ ފަރާތުން ބުނެއެވެ. މިއީ މިކަން ހިނގާދިޔަގޮތްކަން އެނގެނީ، 20 ނޮވެންބަރު 2022 ގެ ތާރީޚުގައި މުޙައްމަދު ޝާހިދުގެ ފަރާތުން އެ ފޯމު ހޯދުމަށް އެދި ހައިކޯޓަށް ސިޓީއެއް ފޮނުވާފައިވާ ކަމާއި، ނަމަވެސް އެ ކޯޓުން އެ ސިޓީއަށް ޖަވާބެއްދީފައި ނުވާކަމާއި، 04 ޑިސެންބަރު 2022 ގައި އައު އިސްތިއުނާފީ ފޯމެއް ހުށަހެޅުމުގައި ޝަރީޢަތުގެ ނިޒާމުގެ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ނިޔަތް މުޙައްމަދު ޝާހިދުގެ ކިބައިގައި ނެތްކަމަށް ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވާތީއެވެ.14

29އިސްވެ ބުނެވުނު ހަޤީޤަތްތަކުގެ މައްޗަށް ބަލައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 421 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން މުޙައްމަދު ޝާހިދުގެ ފަރާތުން ޝަރީޢަތުގެ ނިޒާމު ނަހަމަގޮތުގައި ހިފާފައިވާކަން އެލް. އެފް. ކޮންސްޓްރަކްޝަން އަށް ސާބިތުކޮށްދެވިފައި ނުވެއެވެ.

ޝަރީއަތުގެ ޚަރަދު

30HN6މި މައްސަލާގައި މުޙައްމަދު ޝާހިދުގެ ފަރާތުން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އެދިފައިވެއެވެ. ނަމަވެސް މިމައްސަލާގައި ކަންހިގާފައިވާ ގޮތުގެ މައްޗަށް ބަލައި، މަދަނީ އިޖުރާއާތުގެ ޤާނޫނުގެ 272 ވަނަ މާއްދާގެ (ހ) ގެ (9) ވަނަ ނަންބަރަށް ރިޢާޔަތްކުރާއިރު، މުޙައްމަދު ޝާހިދުގެ ފަރާތުން އެދިފައިވާ ގޮތަށް ޝަރީޢަތުގެ ޚަރަދު ނަގައިދޭންޖެހޭ ތަނެއް އޮތްކަމަށް ނުދެކެމެވެ.

މައްސަލަ ނިންމަން ފެންނަ ގޮތް

31ހައިކޯޓުގެ ނަންބަރު 2022/HC-A/471 ޤަޟިއްޔާގެ ޙުކުމް ބާޠިލުކުރަން ފެނެއެވެ. އަދި ހައިކޯޓުގެ ނަންބަރު 2023/HC-A/104 ޤަޟިއްޔާ އިތުރަށް ކުރިއަށް ނުގެންދިޔުމަށް އަންގަން ފެނެއެވެ. އަދި 04 ޑިސެންބަރު 2022 ގައި މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ބަލައިގަނެ ކުރިއަށް ގެންދިޔުމަށް ހައިކޯޓަށް އަންގަން ފެނެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

32މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

33މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެމަތިން ހުރުމާއެކު، ހައިކޯޓުގެ ނަންބަރު

2022/HC-A/471 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށް، ހައިކޯޓުގެ ނަންބަރު 2023/HC-A/104 ޤަޟިއްޔާ އިތުރަށް ކުރިއަށް ނުގެންދިޔުމަށް އަންގައި، 04 ޑިސެންބަރު 2022 ގައި މުޙައްމަދު ޝާހިދުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ ނުކުތާތަކާއެކު މި މައްސަލައިގެ އިސްތިއުނާފު ފޯމް މުޙައްމަދު ޝާހިދުގެ ފަރާތުން، މިއަދުން ފެށިގެން 10 ދުވަހުގެ ތެރޭގައި ހުށަހަޅައިފި ނަމަ، އެ އިސްތިއުނާފު ފޯމް ބަލައިގަނެ ކުރިއަށް ގެންދިޔުމަށް ހައިކޯޓަށް އަންގައި، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޙުސްނުއްސުޢޫދު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް (ރިޔާސަތު)

1

2 ކުންފުނި ރެޖިސްޓްރޭޝަން ނަންބަރު C-0306/2011

3 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު (MISL)95-CR/INDIV/2019/27 "އަމިއްލަ މީހުން ފޮނުވާ ސިޓީގެ ޖަވާބު" (13 ފެބުރުއަރީ 2019)

4 ސިވިލް ކޯޓުގެ ނަންބަރު 144-A1-95/2019/145 ސިޓީ

5 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު HC-IH/2019/53 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހެޅި މައްސަލައާމެދު ނިންމި ގޮތް" (11 ޖޫން 2019)

6 ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-L-J/144 "އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް"

7 ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-HCL/45 "އިސްތިއުނާފުކުރުމުގެ ހުއްދައާމެދު ހައިކޯޓުގެ ފަނޑިޔާރުގެ ނިންމުން މުރާޖަޢާކޮށް ނިމުނުގޮތް"

8 ޤާނޫނު ނަންބަރު 32/2021

9 ޤާނޫނު ނަންބަރު 22/2010

10 ޤާނޫނު ނަންބަރު 13/2010

11 ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއާތުގެ ޤާނޫނު) ގެ 33 ވަނަ މާއްދާ

12 އަޙްމަދު އަމީން (އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް) ވ. ދައުލަތް (މިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އަދި މިނިސްޓްރީ އޮފް ފިނޭންސް) [2024] SC 33

13 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/471 ޤަޟިއްޔާ، ޕެރެގްރާޕް 22، 23 އަދި 24

14 އބމ

2023/SC-A/26 [2024] SC 44

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 421 ވަނަ މާއްދާގެ (ށ) އަދި (ނ)
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 33 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 272 ވަނަ މާއްދާގެ (ހ) ގެ (9)
  • HCL/45-SC/2022 (ސުޕްރީމް ކޯޓުގެ ނިންމުން – އިސްތިއުނާފުކުރުމުގެ ހުއްދަ)
  • [2024] SC 33 (އަޙްމަދު އަމީން (އެނަރޖީ މެނޭޖްމަންޓް ސިސްޓަމްސް) ވ. ދައުލަތް)
  • J/144-L-SC/2019 (ސުޕްރީމް ކޯޓުގެ ނިންމުން)

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ