ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޢަބްދުﷲ ޝާކިރު އާއި އިތުރު 9 ފަރާތް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/379، 2021/HC-A/380، 2021/HC-A/381، 2021/HC-A/382، 2021/HC-A/383، 2021/HC-A/384، 2021/HC-A/385، 2021/HC-A/386، 2021/HC-A/387، 2021/HC-A/388
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ކޯޓު އެޑްމިނިސްޓްރޭޓަރުން ރިޑަންޑަންޓުކޮށް ވަކިކުރި ނިންމުމަކީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަމެއް ނެތި ކުރި ނިންމުމެއް ކަމަށާއި، ވަޒީފާއަށް ރުޖޫޢަކޮށް މުސާރަ ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިއެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކުރި އިސްތިއުނާފުގައި ހައިކޯޓުން ޓްރައިބިއުނަލުގެ ނިންމުން ދެމެހެއްޓިއެވެ.
- ވާޤިޢާ
- ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދެވަނަ އިޞްލާޙާ ގުޅިގެން ކޯޓުތަކަށް ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމުން، ކޯޓު އެޑްމިނިސްޓްރޭޓަރުން ވަގުތީ ގޮތުން އެ މަގާމަށް ހިޖުރަކުރެވުނެވެ. ފެންވަރު ބެލުމުގެ އުޞޫލު ހެދީ ގާތްގަނޑަކަށް 10 މަސް ފަހުންނެވެ. 70 އިންސައްތައަށް ވުރެ މަދުން މާކްސް ލިބުނީތީ 10 މުވައްޒަފުން މަގާމު އުވުނީ ކަމަށް ބުނެ ވަކިކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޯޓުތަކުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލަކާ ގުޅިގެން ކޯޓު އެޑްމިނިސްޓްރޭޓަރުން ރިޑަންޑަންޓުކޮށް ވަޒީފާއިން ވަކިކުރީ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަމުގެ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ، އަދި އޮނިގަނޑުގައި މިހާރު ނެތް މަގާމަށް ރުޖޫޢަކުރުމަކީ ތަންފީޛުކުރެވެން ނެތް ކަމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކޮމިޝަނުން ބުނީ ރިޑަންޑަންސީގައި އެންޓި ކޮރަޕްޝަން ކޮމިޝަން ވ. ޢަބްދުﷲ ޔާމީން ގެ ހަމަތައް ދަމަހައްޓާފައިވާ ކަމަށާއި، މިހާރު ނެތް މަގާމަކަށް ރުޖޫޢަކުރުމަކީ މުސްތަޙީލު ކަމެއް ކަމަށެވެ. މުވައްޒަފުން ބުނީ ފެންވަރު ބެލުމުގެ އުޞޫލު ވަޒީފާއާ ޙަވާލުވިއިރު ނުހުރި ކަމަށާއި، އެ އުޞޫލު ރަޖުޢީކޮށް ތަޠުބީޤުނުކުރެވޭނެ ކަމަށާއި، ދާއިމީ މުވައްޒަފަކު އަލުން ޕްރޮބޭޝަނަށް ނުލެވޭނެ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ރިޑަންޑަންޓް ކުރާނަމަ އެކަން ކުރެވޭނެ އުޞޫލުތައް ދުރާލާ މުވައްޒަފުންނަށް އަންގަންވާނެ ކަމަށް ކޯޓުން ދެކުނެވެ. ފެންވަރު ބެލުމުގެ ހަމަތައް ކަނޑައެޅީ މަގާމާ ޙަވާލުވިތާ 10 މަސް ފަހުން ކަމަށާއި، އެ އުޞޫލު ރަޖުޢީކޮށް ތަޠުބީޤުކޮށްގެން ކުރި ވަކިކުރުން ޤާނޫނީ ހަމަތަކާ އެއްގޮތްކަމަށް ނުދެކެވޭނެއެވެ. އެކަކު ރުޖޫޢަކުރި ހިނދު ރުޖޫޢަ މުސްތަޙީލުކަމުގެ ނުކުތާ މިހާރު ޚުޞޫމަތެއް ނޫނެވެ.
ނިންމުން
ހައިކޯޓުގެ 2021/HC-A/379 އިން 2021/HC-A/388 އަށް ޤަޟިއްޔާތަކުގެ…ހައިކޯޓުގެ 2021/HC-A/379 އިން 2021/HC-A/388 އަށް ޤަޟިއްޔާތަކުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ފަނޑިޔާރުންގެ އިއްތިފާޤުން އެ ޙުކުމްތައް ޤާއިމުކުރި. މިގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށާއި، އެ ފަރާތްތަކަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ކަމުގައި ނުބަލައި ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް މުސާރައާއި އިނާޔަތްތައް ދޭން ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކުރި ނިންމުން ދެމިހުރި. ވަޒީފާއަށް ރުޖޫޢަކުރުން މުސްތަޙީލުކަމަށް ބުނި ނުކުތާއަކީ މިހާރު ޚުޞޫމަތު އޮތް ކަމެއް ނޫންކަމަށް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާފައިވާ ވާޤިޢާ އެއް ނުވަތަ ޢަމަލެއްގެ މައްޗަށް ފަހުން ހެދޭ ޤާނޫނެއް ނުހިނގުމަކީ (retrospective application of law) ގެ އާންމު އުޞޫލެވެ.
HN2 އެންޓި ކޮރަޕްޝަން ކޮމިޝަން ވ. ޢަބްދުﷲ ޔާމީން ޤަޟިއްޔާގައި ކަނޑައަޅާފައި އޮތް ހަމައަށް ބަލައި، އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލަކާއި ގުޅިގެން މުވައްޒަފަކު ރިޑަންޑަންޓް ކުރާނަމަ، އެކަން ކުރެވޭނެ އުޞޫލުތައް ދުރާލާ މުވައްޒަފަށް އަންގަން ވާނެއެވެ.
HN3 މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބެއް ގޮތުގައި ބުނެފައިވަނީ ރިޑަންޑަންޓުކުރުމަށް ނިންމައި، ކަނޑައެޅުނު އުޞޫލުގެ ދަށުން 70 އިންސައްތަ ދަށުން މާކްސް ލިބިފައިވާތީވެ ފެންވަރު ބެލުމުގެ އުޞޫލު ރަޖްޢީކޮށް ތަތުބީޤު ކޮށް ކަމުގައިވާނަމަ، އެ އުޞޫލުގައިވާ ހަމަތަކަށް ބަލައި، ވަޒީފާއިން ވަކިކުރުމަށް ދައްކާފައިވާ ސަބަބާއި އަދި އެ އުޞޫލުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ކަންކަމަކީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށް ދެކުމުގެ ފުރުސަތު ހަންޏެވެ.
HN4 އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލަކާ ގުޅިގެން ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ ކަމުގައި ވިޔަސް މުވައްޒަފަކު ރިޑަންޑަންޓު ކުރުމުގައި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު އިން ކަނޑައަޅާފައިވާ އާންމު ހަމަތައް ދަމަހައްޓާފައި ނުވާނަމަ، ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ނެތްކަމަށް ކަނޑައަޅާނީ ރަނގަޅަށެވެ.
HN5 ވަޒީފާ ދޭފަރާތުގެ ހައިސިއްޔަތުން އެއް ޙާލަތެއްގައި ތިބި މުވައްޒަފުންތަކެއްގެ ތެރެއިން އެކަކުގެ ޙުކުމް ތަންފީޒު ކުރުމަށް ނިންމައި އެ ނޫން ފަރާތްތަކުގެ ޙުކުމް ތަންފީޒު ނުކުރުމަށް ނިންމުމަކީ ވަޒީފާ ދޭފަރާތަށް އޮތް އިޚްތިޔާރެއް ނޫންކަމަށް ބުނުމުގެ ފުރުސަތު ބޮޑެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ފަތުޙުﷲ އިސްމާޢީލް، ސީ.ޓީ.އެލް ސްޓްރެޓެޖީސް އެލް.އެލް.ޕީ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- ޢަބްދުﷲ ޢަލީ، ޢަބްދުﷲ ރަޝީދު، ސަލްޓަން ޗެމްބަރސް އެލް.އެލް.ޕީ، ކްރިސްޓަލް ޗެމްބަރސް އެލް.އެލް.ޕީ
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)، ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޑރ. މުޙައްމަދު އިބްރާހީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޑރ. އަޒްމިރާލްދާ ޒާހިރު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2024] SC 24 2022/SC-A/72 ޝަރީޢަތް ނިމުނުގޮތް ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޢަބްދުﷲ ޝާކިރު އާއި އިތުރު 9 ފަރާތް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު
ނިމުނު ތާރީޚު 26 މޭ 2024
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2021/HC-A/379,380,381,382,383,384,385,386,387,388 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް 1. ޢަބްދުﷲ ޝާކިރު، އއ. ރަސްދޫ، ހިޔާވަހި ޖުޑީޝަލް ސަރވިސް ކޮމިޝަން 2. މުޙައްމަދު ޙަމީދު، ލ. ފޮނަދޫ، އަޅިވިލާގެ ޤާނޫނީ ވަކީލު: ފަތުޙުﷲ އިސްމާޢީލް
ސީޓީއެލް ސްޓްރެޓެޖީސް އެލްއެލްޕީ 3. އިބްރާހީމް އުމަރު، ހދ. ކުޅުދުއްފުށި، އަލްފާ 4. މުނާ މުޙައްމަދު، ކ. މާލެ، މ. ބަބުނަ 5. ޙުސައިން ޝިޔާމް، ލ. ހިތަދޫ، އެނިފް 6. އިބްރާހީމް ޝަރީފް، ސ. ހިތަދޫ، މުރިގު 7. ޢަބްދުލްމާޖިދު އާދަމް، ކ. ތުލުސްދޫ، މަލާޒު 8. އިބްރާހީމް ތައުފީޤް މޫނިސް، ކ. މާލެ،
މއ. ރިހިވިލާގެ 9. މުޙައްމަދު ފަރުޒާދު، ޏ. ފުވައްމުލައް، މިސްކިތްމަގު. ސަނީލޮޖް ޤާނޫނީ ވަކީލު: ޢަބްދުﷲ ޢަލީ
ސަލްޓަން ޗެމްބަރސް އެލްއެލްޕީ 10. ޙުސައިން ރިޟާ އާދަމް، ކ. ގުރައިދޫ، ޝީވީޑް
ޤާނޫނީ ވަކީލު: ޢަބްދުﷲ ރަޝީދު
ކްރިސްޓަލް ޗެމްބަރސް އެލްއެލްޕީ
މަދަނީ – ވަޒީފާ ރުޖޫޢަކުރުން – އޮނިގަނޑަށް ގެނެވޭ ބަދަލަކާ ގުޅިގެން މުވައްޒަފުން ރިޑަންޑެންޓްކުރުން
ފިހުރިސްތު
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
1ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/379 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/380 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/381 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/382ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/383 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/384 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/385 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/386 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/387 ޤަޟިއްޔާ އަދި ނަންބަރު 2021/HC-A/388 ޤަޟިއްޔާ (މީގެ ފަހުން "އިސްތިއުނާފު ކުރެވޭ ޤަޟިއްޔާ/ތައް" މިހެން އިޝާރާތް ކޮށްފައިވާ) ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
2އިސްތިއުނާފު ކުރެވޭ ޤަޟިއްޔާ ތަކަކީ އެއް މައުޟޫއެއް އަދި އެއްކަމެއްގެ މައްޗަށް ހުށަހެޅިފައިވާ 10 (ދިހައެއް) މައްސަލަ ކަމުގައިވާތީވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް1 މި ޤަޟިއްޔާ އާއި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަތަކުގެ ޝަރީޢަތްތައް އެކުއެކީގައި ކުރިއަށް ގެންގޮސް ކަނޑައަޅާފައިވަނީ އެއް ނިޔާއެކެވެ. އަދި އެ ނިޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ މި ކޯޓުގެ ނަންބަރު 2022/SC-A/72 ޤަޟިއްޔާ އިންނެވެ.
3މި އިސްތިއުނާފު ރައްދުވަނީ، އއ. ރަސްދޫ، ހިޔާވަހި، ޢަބްދުﷲ ޝާކިރު2 އާއި ލ. ފޮނަދޫ، އަޅިވިލާގެ، މުޙައްމަދު ޙަމީދު3 އާއި ހދ. ކުޅުދުއްފުށި، އަލްފާ، އިބްރާހީމް ޢުމަރު4 އާއި
މ. ބަބުނަ، މުނާ މުޙައްމަދު5 އާއި ލ. ހިތަދޫ، އެނިފް، ޙުސައިން ޝިޔާމް6 އާއި ސ. ހިތަދޫ، މުރިގު، އިބްރާހީމް ޝަރީފް7 އާއި ކ. ތުލުސްދޫ، މަލާޒު، ޢަބްދުލްމާޖިދު އާދަމް8 އާއި މއ. ރިހިވިލާގެ، އިބްރާހީމް ތައުފީޤް މޫނިސް9 އާއި މިސްކިތްމަގު.ސަނީލޮޖް، ޏ. ފުވައްމުލައް، މުޙައްމަދު ފަރުޒާދު10 އަދި ކ. ގުރައިދޫ، ޝީވީޑް، ޙުސައިން ރިޟާ އާދަމް11 (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތްތައް" މިހެން އިޝާރާތް ކޮށްފައިވާ) މައްޗަށެވެ.
4އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައި މަސައްކަތް ކުރަމުން ދިޔަ ފަރާތްތަކެކެވެ. މި ފަރާތްތަކުގެ ވަޒީފާ 01 އޮގަސްޓު 2020 އިން ފެށިގެން ވަކިކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ވަޒީފާ ދޭފަރާތް) އިން ނިންމާފައިވާތީވެ، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ. އަދި މި މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކާ އެއްކޮޅަށެވެ. އޭގެ ފަހުން، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމާފައިވަނީ ވެސް އިސްތިއުނާފު ރައްދުވާ ފަރާތްތަކާ އެއްކޮޅަށެވެ. މިހާރު ކުރިމަތީގައި މި އޮތީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލެމުންދާ މައްސަލައެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ޚުލާސާ
5ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން (ވަޒީފާ ދޭފަރާތް) އިސްތިއުނާފު ރައްދުވާ ފަރާތްތައް 01 އޮގަސްޓު 2020 ގައި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނަށް12 ގެނެވުނު ދެވަނަ އިސްލާޙާ ގުޅިގެން ކޯޓުތަކުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތައް ރިޑަންޑެންޓްކޮށް ވަޒީފާއިން ދޫކޮށްލެވުނީ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނިންމުމުގެ ޚުލާސާއެއް ދިނުމުގެ ގޮތުން މި އިސްތިއުނާފުގައި ބުނެފައިވެއެވެ. އަދި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ސަބަބުތަކުގެ ތަފުސީލު މި ރައުޔުގައި ފަހުން ބަޔާންކުރެވޭނެއެވެ. 13
6. މި މައުޟޫގައި ހަވާލާދެވެނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދެވަނަ އިސްލާޙުގައި
621-1 ވަނަ މާއްދާގެ (ރ) ގައި ކޯޓުތަކުގެ އިދާރީ އޮނިގަނޑު އެކުލަވާލައި، އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން އެ ކޯޓެއްގެ "ޗީފް އެޑްމިނިސްޓްރޭޓަރ" ނުވަތަ "އިދާރީ އެންމެ އިސް މުވައްޒަފެއް" ގެ މަޝްވަރާގެ މަތިން ހިންގާ ބެލެހެއްޓުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް އޮންނަ ޒިންމާގެ މައްޗަށެވެ.
7އިސްތިއުނާފު ރައްދުވާ ފަރާތްތައް ރިޑަންޑެންޓުކޮށް ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާތީވެ، ވަޒީފާއާބެހޭ ޝަކުވާ ހުށަހެޅިއެވެ. މިގޮތުން އިސްތިއުނާފު ރައްދުވާ ފަރާތްތައް ކަމުގައިވާ
އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރގެ މަގާމު އަދާކުރަމުންދިޔަ ޢަބްދުﷲ ޝާކިރު14 އާއި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރގެ މަގާމު އަދާކުރަމުންދިޔަ މުޙައްމަދު ޙަމީދު15 އާއި ހދ. ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ މަގާމު އަދާކުރަމުންދިޔަ އިބްރާހީމް ޢުމަރު16 އާއި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ މަގާމު އަދާކުރަމުން ދިޔަ ޙުސައިން ޝިޔާމް17 އާއި ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ މަގާމު އަދާކުރަމުންދިޔަ އިބްރާހީމް ޝަރީފް18 އާއި ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރ މަގާމު އަދާކުރަމުންދިޔަ ޢަބްދުލްމާޖިދު އާދަމް19 އާއި ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރގެ މަގާމު އަދާކުރަމުންދިޔަ މުޙައްމަދު ފަރުޒާދު20 އެވެ. މީގެ އިތުރުން ފެމިލީ ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރގެ މަގާމު އަދާކުރަމުންދިޔަ އިބްރާހީމް ތައުފީޤު މޫނިސް21 އާއި ކްރިމިނަލް ކޯޓުގެ ކޯޓު އެޑްމިނިސްޓްރޭޓަރގެ މަގާމު އަދާކުރަމުންދިޔަ ޙުސައިން ރިޟާ އާދަމް22 އާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ސީނިއަރ ކޯޓު އެޑްމިނިސްޓްރޭޓަރގެ މަގާމު އަދާކުރަމުންދިޔަ މުނާ މުޙައްމަދު23 އާއެކު ޖުމްލަ 10 މީހުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން
8ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހުށަހެޅި މައްސަލައިގައި އެ ފަރާތްތައް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ ޤާނޫނާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފަށް ނިންމި ނިންމުމަކަށް ވާތީ، އެ ނިންމުން ބާޠިލުކޮށް ދިނުމަށާއި އިސްތިއުނާފު ރައްދުވާ ފަރާތްތައް އަދާކުރަމުންދިޔަ މަގާމުގެ ދަރަޖަ މައްސަލަ ހުށަހެޅުނުއިރު އަމަލުކުރަމުންދާ އޮނިގަނޑުގައިވެސް ހިމެނިފައިވާ ކަމަށާއި، އެ ފަރާތްތަކަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ކަމުގައި ނުބެލުމަށާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ ވަޒީފާގައި ދެމިތިބި ފަރާތްތަކެއް ކަމުގައި ކަނޑައަޅައި ދިނުމަށް އެދުނެވެ.
9މި ވަޒީފާއާބެހޭ ޝަކުވާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އިން ނިންމާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށް ކަނޑައަޅައެވެ. އަދި އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއް ކަމުގައި ނުބެލުމަށާއި، އެ ފަރާތްތައް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އެ ފަރާތްތަކުގެ ވަޒީފާގެ ކަންކަން އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް އެ ފަރާތްތައް ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަގާމުގެ މުސާރައާއި އިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
10ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އިން އިސްތިއުނާފު ކުރިއެވެ.
11މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައި ވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ނުވާތީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ދަމަހައްޓައެވެ.
12ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމުމުގައި ބަރޯސާވެފައިވަނީ ރިޑަންޑަންސީގެ އުޞޫލުތައް ތަފުސީލު ކުރެވިފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު24 އާއި އެ ޤަޟިއްޔާގައިވާ އުޞޫލުތައް ދަމަހައްޓާފައިވާ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް25 މި ދެ ޤަޟިއްޔާއަށް ކަން އެނގެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބެލުމުން އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވާކަން ދޭހަވެއެވެ.
12.1. "ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި، ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލު" ގައި ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަގާމު އުވާލާ ކަމަށް ބަޔާންކޮށްފައި ނުވާ ކަމާއި ޗީފް އެޑްމިނިސްޓްރޭޓަރގެ މަގާމަކީ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަގާމު އުވާލައި އެ މަގާމުގެ ބަދަލުގައި އުފައްދާ އާ މަގާމެއް ކަމަށް ބަޔާންކޮށްފައިނުވުން.
12.2 އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 30 ވަނަ މާއްދާ އާއި 31 ވަނަ މާއްދާގައި ބަޔާންވެގެންވާ ގޮތަށް މަގާމު އުވާލައި އާ މަގާމެއް އުފައްދާފައިވާ ކަމަކަށް ނުފެންނަ ކަމަށާއި އެއީ ސީދާ ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަގާމު އުވާލައި އެ މަގާމުގެ ބަދަލުގައި އާ މަގާމެއް އުފައްދާކަމަށް ބުނެވުނު އުޞޫލުގައި ބަޔާންކޮށްފައި ނުވާހިނދު، ވަކި މަގަމާކަށް ހިޖުރަކުރާ ކަމަށް ބަޔާންކޮށްފައިވުމަކުން، މިއީ ތަފާތު ދެ މަސްއޫލިއްޔަތެއް އޮތް ދެ މަގާމެއްކަން ފާހަގަނުކުރެވޭ ކަމަށާއި މިއިން ކޮންމެ ނަމެއްގައި މަގާމު ހަމަޖެއްސިނަމަވެސް، އެ މަގާމަށް ހަމަޖެއްސޭ މުވައްޒަފުގެ މަސްއޫލިއްޔަތަކީ "އިދާރީ އެންމެ އިސް މުވައްޒަފުގެ" މަސްއޫލިއްޔަތުކަން ބުނެވުނު އުޞޫލުން އެނގޭކަން.
12.3 ޖުޑީޝަލް ސަރވިސް ކޮމިޝަން އިން މި މައްސަލަ ތަކުގައި ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަގާމު ރިޑަންޑަންޓް ވެފައިވާ ކަމަށް ބުނާ ބުނުމަކީ ހަރުދަނާ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއް ކަމަށް ބުރަނުވެވޭ ކަމަށާއި ރިޑަންޑަންސީ އާ ގުޅިގެން މަގާމު އުވިގޮސް އެ މަގާމަށް އަލުން މުވައްޒަފުން އިއާދަނުކުރެވޭނެ ކަމަށް ބުނާ ބުނުމަކީވެސް ހަމަޖެހޭ ބުނުމެއް ކަމަށް ނުދެކޭތީ އެ އިސްތިއުނާފީ ނުކުތާއާމެދު ރިއާޔަތްކުރުމުގެ ބޭނުމެއް މިހިނދުގައި ނެތް ކަމަށް ދެކޭކަން.
13މަތީގައި އެވާ ގޮތަށް ނިންމުމާ ވިދިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
14މި މައްސަލަ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އަންނަނިވި ނުކުތާތައް ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހެޅިއެވެ.
(ހ) ފުރަތަމަ ނުކުތާ އަކީ، ކޯޓު އެޑްމިނިސްޓްރޭޓަރުންގެ މަގާމު ރިޑަންޑަންޓު ވެފައިވާ ކަމަށް ބުނާ ބުނުމަކީ ހަރުދަނާ ޤާނޫނީ އަސާސެއްގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއް ކަމަށް ބުރަނުވެވޭ ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައި ވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާ މި މައްސަލައަށް ތަޠުބީޤު ކުރުމުގައި ކުށެއް ހަދައި، މުއައްސަސާއެއްގެ މަސައްކަތް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އެ ތަނެއްގެ އިދާރީ އޮނިގަނޑަށް ކޮންމެހެން ގެންނަންޖެހޭ ބަދަލެއްގެ ތެރެއިން މުވައްޒަފުން ރިޑަންޑަންޓު ކުރުމާގުޅޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެންޓި-ކޮރަޕްޝަން ކޮމިޝަން ވ. ޢަބްދުﷲ ޔާމީން26 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމުގައިވުން.
(ށ) ދެވަނަ ނުކުތާ އަކީ، ޝަރުޢީ ދާއިރާގެ ވަޒީފާގެ އޮނިގަނޑުގައި މިހާރު ނެތް އުވިގެން ގޮސްފައިވާ މަގާމުތަކަކަށް އިސްތިއުނާފު ރައްދުވާ ފަރާތްތައް އަނބުރާ ރުޖޫޢަ ކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށްފައިވާތީ، އެފަދައިން އެ މަގާމުތަކަށް އިސްތިއުނާފު ރައްދުވާ ފަރާތްތައް އަނބުރާ ދިނުމަކީ މުސްތަހީލު ކަމެއް ކަމަށްވުމުން، އެ ނުކުތާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް އަމުރެއް ނެރުމުގެ ކުރިން، އެ އަމުރެއް ނެރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫޢަކުރުމަކީ ޢަމަލީގޮތުން ކުރެވެން އޮތް ކަމެއްތޯ ބަލަންވާނެ ކަމަށް ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން27 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް އިސްތިއުނާފީ އެ ނުކުތާ އާ މެދު ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ނިންމާފައި ނުވުން.
15ޖުޑީޝަލް ސަރވިސް ކޮމިޝަނުން މި އިސްތިއުނާފުގައި އެދިފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ކޯޓުތަކުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލަކާ ގުޅިގެން އެ ފަރާތްތަކުން އަދާކުރަމުންދިޔަ މަގާމު އުވިފައިވާތީވެ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގެ 2011 ގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުން ވަޒީފާއިން ދޫކޮށްލާފައިވާ ފަރާތްތަކެއް ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާތިލުކޮށް ދިނުމަށެވެ.
16މި އިސްތިއުނާފުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިނުމަށެވެ.
17ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނާއި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މި އިސްތިއުނާފުގައި ދައްކާފައިވާ ވާހަކަތަކަށް ބަލައި މި މައްސަލައިގައި އޮތް ޚުސޫމަތަކީ ކޯޓުތަކުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލަކާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތައް ރިޑަންޑަންޓުކޮށް ދޫކޮށްލެވިފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްތޯ ކުރެވޭ ބަހުސްގެ މައްޗަށެވެ.
އޮނިގަނޑަށް ގެނެވޭ ބަދަލަކާ ގުޅިގެން މުވައްޒަފުން ރިޑަންޑެންޓްކުރުން
18މި އިސްތިއުނާފުގައި އޮތް ފުރަތަމަ ސުވާލަކީ، މުއައްސަސާއެއްގެ މަސައްކަތް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިދާރީ އޮނިގަނޑަށް ޒަމާނާއި ޙާލަތަށް ބަލައި ކޮންމެހެން ގެންނަންޖެހޭ ބަދަލުތައް ގެނައުމުގައި، ދޫކޮށްލެވޭ މުވައްޒަފުންގެ މައުޟޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރެވޭ އުޞޫލުތައް ދުރާލާ ކަނޑައެޅި ބަޔާންކުރެވިގެން މުވައްޒަފުން ރިޑަންޑަންޓް ކުރެވިދާނެކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން ވ. ޢަބްދުﷲ ޔާމީން28 މި ޤަޟިއްޔާގައި ކަނޑައަޅާފައިވާތީވެ، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ރިޑަންޑަންޓުކޮށް ދޫކޮށްލުމުގައި އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހަމަ ދަމަހައްޓާފައިވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނާ ބުނުމުގެ މައްޗަށެވެ.
19އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަޒީފާއިން ވަކިކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް ގެނެވުނު ދެވަނަ އިސްލާޙާ ގުޅިގެން29 ކޯޓުތަކުގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލާގުޅިގެން ޚިދުމަތުގައި ތިބި އެޑްމިނިސްޓްރޭޓަރުންގެ މަގާމު އުވާލައި، ޤާނޫނުގައި ބަޔާންކުރާ "ޗީފް އެޑްމިނިސްޓްރޭޓަރ" ގެ މަގާމު ކޮންމެ ކޯޓެއްގައި އައްޔަންކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލާޒިމްކޮށްފައިވާތީ ކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ދެކެއެވެ.
20މި އިސްލާހާއެކު، ކޯޓުތަކުގެ އިދާރީ އޮނިގަނޑަށް ބަދަލު ގެނައުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މި އިސްލާހު އައިއިރު ކޯޓުތަކުގެ އިދާރީ އެންމެ އިސް މުވައްޒަފުންގެ ގޮތުގައި ތިބި ކޯޓު އެޑްމިނިސްޓްރޭޓަރުން (ކޯޓު އެޑްމިނިސްޓްރޭޓަރ /ސީނިއަރ ކޯޓް އެޑްމިނިސްޓްރޭޓަރ) އައު އޮނިގަނޑަށް ހިޖުރަކުރުމަށް ފުރުސަތު ދިނެވެ.
21މިގޮތުން ކޯޓުތަކުގެ އިދާރީ އައު އޮނިގަނޑަށް ހިޖުރަކުރުމަށްޓަކައި 20 އޮކްޓޫބަރު 2019 ގައި އުޞޫލެއް ކަނޑައަޅައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމު ކުރިއެވެ. އަދި މި އުޞޫލަށް ޢަމަލުކުރަން ފަށާފައިވަނީ 23 އޮކްޓޫބަރު 2019 ގައެވެ. މި އުޞޫލަކީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލު (މީގެ ފަހުން "ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމުގެ އުޞޫލު") އެވެ.
22ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމުގެ އުޞޫލަކީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގެ ދެވަނަ އިޞްލާޙާއެކު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަންކުރުމަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމަށްޓަކައި އެކުލަވާލި އުޞޫލެއްކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެއެވެ.
23ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމުގެ އުޞޫލުގެ 1 ވަނަ ނަންބަރުގައި ބުނެފައިވަނީ ކޯޓު އެޑްމިނިސްޓްރޭޓަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން ދިޔަ ކޯޓެއްގެ ނުވަތަ ޖުޑީޝަލް ދާއިރާއެއްގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ވަގުތީ ގޮތުން މުވައްޒަފު ހަމަޖެއްސޭނެ ކަމުގައެވެ. އަދި މި ފަރާތްތަކުގެ ވަޒީފާ ދާއިމީ ކުރެވޭނީ މަސައްކަތުގެ ފެންވަރު ބެލުމަށްފަހުގައި ކަމުގައެވެ.
24ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމުގެ އުޞޫލުގެ 1 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވަނީ ކޯޓުތަކުގައި އެޑްމިނިސްޓްރޭޓަރުންގެ ގޮތުގައި ތިބި ފަރާތްތައް، ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމާ ވަގުތީ ގޮތުން ޙަވާލުވާ ތާރީޚުން ފެށިގެން 6 މަސްދުވަހުގެ މުއްދަތަށް އެ މުވައްޒަފެއްގެ މަސައްކަތުގެ ފެންވަރު ބެލޭނެ ކަމަށެވެ. އަދި މަސައްކަތުގެ ފެންވަރު ބެލުމަށްފަހު، ކަނޑައެޅިފައިވާ މިންވަރަށް މާކްސް ހޯދައި، ޗީފް އެޑްމިނިސްޓްރޭޓަރުންގެ އަސާސީ ޝަރުޠު ހަމަވާ ފަރާތްތަކަށް، އެ މުވައްޒަފަކު މަސައްކަތްކުރަމުންދާ ކޯޓެއްގެ ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ހިޖުރަ ކުރެވޭނެ ކަމަށެވެ. އަދި ފެންވަރު ބެލުމުގެ ނިޒާމުގެ ތެރެއިން 70 އިންސައްތަ އަށްވުރެ ދަށުން މާކްސް ލިބޭ ކޯޓު އެޑްމިނިސްޓްރޭޓަރުން ނުވަތަ ޗީފް އެޑްމިނިސްޓްރޭޓަރުންގެ އަސާސީ ޝަރުޠު ފުރިހަމަ ނުވާ ކޯޓް އެޑްމިނިސްޓްރޭޓަރުން ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދުގައިވާ ގޮތުގެ މަތިން ދޫކޮށްލެވޭނެ ކަމުގައެވެ.
25ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމުގެ އުޞޫލުގެ 9 ވަނަ މާއްދާގެ (ހ) ގައި މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމެއް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެކުލަވާލަން ޖެހޭނެކަމަށް ބަޔާންކޮށްފައި ވެއެވެ. އަދި އެ ނަންބަރުގައި ވަނީ އަންނަނިވި ފަދައިންނެވެ.
"ޗީފް އެޑްމިނިސްޓްރޭޓަރުންނަކީ، ފަނޑިޔާރުންނާ ވަރަށް ގާތުން މަސައްކަތްކުރާ ފަރާތްތަކަކަށްވެފައި، ޗީފް އެޑްމިނިސްޓްރޭޓަރުންގެ ޒިންމާގެ ދަށުގައި ގިނަ މުވައްޒަފުންތަކެއް ތިބުމާއެކު، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގައި އެންމެ ރަނގަޅު ގޮތަކީ ވަށައިޖެހޭ (360 ޑިގްރީ) ނިޒާމެއްގެ ތެރެއިން މަސައްކަތުގެ ފެންވަރު ވަޒަންކުރުންކަމަށް ވާތީވެ، އެފަރާތްތަކުގެ މަސައްކަތު ފެންވަރު ބެލުމަށްޓަކައި ޢަމަލުކުރާނެގޮތް ބަޔާންކޮށް ވަކި އުޞޫލެއް އެކުލަވާލެވޭނެއެވެ. މިގޮތުން ޕާރފޯމަންސް އިވެލުއޭޓްކުރާއިރު ޗީފް އެޑްމިނިސްޓްރޭޓަރާއި ޒިންމާވާ ކޯޓުތަކުގައި މަސައްކަތްކުރާ ފަނޑިޔާރުންނާއި، ދަށުން މަސައްކަތް ކުރާ މުވައްޒަފުން އަދި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މާކްސް ދީގެން ޕަރފޮމަންސް ބެލޭގޮތަށް އިންތިޒާމު ކުރެވިގެން ދާނެއެވެ"
26މަތީގައި ބަޔާންކުރެވިފައިވާ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުން ހަމަޖެއްސުމުގެ އުޞޫލުގެ 9 ވަނަ މާއްދާގެ (ހ) ގައި ބުނާ ވަގުތީ ގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުން މަގާމާ ޙަވާލުވެފައިވާ ފަރާތްތަކުން ފެންވަރު ބެލުމާ ގުޅޭގޮތުން ކަނޑައަޅަންޖެހޭ ވަކި އުޞޫލެއް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މަގާމާ ޙަވާލުވިއިރު ވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަދައި ހާމަކޮށްފައި ނުވެއެވެ.
27ފަހުން "ޝަރުޢީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަސްއޫލިއްޔަތާއި ވަގުތީ ގޮތުން ޙަވާލުވެ ތިބި ފަރާތްތަކުގެ ޕްރޮބޭޝަންގެ މުއްދަތުގައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި ބަލާނެ މިންގަނޑުތަކާއި އުޞޫލު"30 ("ވަގުތީ ގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުން މަގާމާ ޙަވާލުވެފައިވާ ފަރާތްތަކުން ފެންވަރު ބެލުމުގެ އުޞޫލު") މި ނަމުގައި 28 ޖޫން 2020 ގައި އާންމު ކުރިއެވެ.
28މި ދެންނެވި ވަގުތީ ގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުން މަގާމާ ޙަވާލުވެފައިވާ ފަރާތްތަކުން ފެންވަރު ބެލުމުގެ އުޞޫލުގެ 4 ވަނަ ނަންބަރުގައި މުވައްޒަފުންގެ ފެންވަރު ބެލުމަށް ކަނޑައަޅާފައިވަނީ
23 އޮކްޓޫބަރު 2019 އިން ފެށިގެންކަން އެނގެއެވެ. އަދި ފެންވަރު ބަލަން ނިންމާފައިވަނީ 60 (ހައެއް) މަސް ދުވަހުގެ މުއްދަތައް ކަން އެނގެއެވެ. މި މުއްދަތު ފަހަނައަޅައި ދިޔައިރު ފެންވަރު ބެލިފައި ނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން ދެންނެވުނު އުޞޫލު ކަނޑައެޅުނު މުއްދަތުގައި ހެދިފައިނުވާކަމީ ވެސް ދެބަސް ނުވާ ޙަޤީގަތެކެވެ.
29އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ވަގުތީ ގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުން މަގާމާ ޙަވާލުވެފައިވާ ފަރާތްތަކުން ފެންވަރު ބެލުމުގެ އުޞޫލުގެ ދަށުން މަސައްކަތުގެ ފެންވަރު ބަލައި 70 އިންސައްތައަށް ވުރެ މާކްސް މަދުން ލިބިފައި ވާތީއެވެ. 70 އިންސައްތައަށް ވުރެ މަތިން މާކްސް ލިބުމަކީ ޗީފް އެޑްމިނިސްޓްރޭޓަރުންގެ ވަޒީފާ ދާއިމީ ކުރުމަށް ކަނޑައަޅާފައިވާ ޝަރުޠެކެވެ. އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމަށް
23 ޖުލައި 2020 ގައި ފޮނުވާފައިވާ ނޯޓިހުގައި31،
(ހ) ވަޒީފާއިން 1 އޮގަސްޓު 2020 ފެށިގެން ވަކިކުރެވޭނެކަން އަދި
(ށ) ވަޒީފާއިން ވަކިކުރެވޭ ސަބަބަކީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ އުޞޫލުގެ 9 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޝަރުޢީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަސްއޫލިއްޔަތުތަކާއި ވަގުތީ ގޮތުން ޙަވާލުވެތިބި ފަރާތްތަކުގެ ޕްރޮބޭޝަންގެ މުއްދަތުގައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި ބަލާނެ މިންގަނޑުތަކާއި އުޞޫލުގެ 1 ވަނަ ނަންބަރުގެ (ނ) ގައިވާ ގޮތުގެމަތިން ޗީފް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް ކަނޑައަޅާފައިވާ އަސާސީ ޝަރުޠުތައް ފުރިހަމަ ވީކަމުގައިވިޔަސް، މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ޤާބިލުކަން ހުރި މިންވަރު ވަޒަންކުރުމަށް ކަނޑައެޅުނު މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން 70 އިންސައްތައަށް ވުރެ ދަށުން މާކްސް ލިބިފައިވާތީކަން.
3001 އޮގަސްޓު 2020 އިން ފެށިގެން ވަޒީފާއިން ވަކިކުރުމަށް 23 ޖުލައި 2020 ގައި ފޮނުވާފައިވާ ސިޓީ 03 އޮގަސްޓު 2020 ގައި32 ކޮވިޑް-19 އާގުޅިގެން ބާތިލުކޮށް 31 އޮކްޓޫބަރު 2020 ގެ ނިޔަލަށް 03 މަސްދުވަހު ވަޒީފާގައި ބެހެއްޓުމަށް ނިންމައި، އޭގެ ފަހުން ޝަރުޢީދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ މަގާމު އުވިފައިވާތީވެ، ވަޒީފާއިން ވަކިކުރިއެވެ.
31ވަޒީފާއިން ވަކިކުރެވުނު ސަބަބަކީ، ޕްރޮބޭޝަން މުއްދަތުގައި ވަގުތީ ގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުން މަގާމާ ޙަވާލުވެފައިވާ ފަރާތްތަކުން ފެންވަރު ބެލުމުގެ އުޞޫލުގެ ތެރެއިން 70 އިންސައްތަ އަށްވުރެ ދަށުން އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް މާކްސް ލިބިފައި ވާތީއެވެ. ވަޒީފާއިން ވަކިކުރެވުނު މި ސަބަބުގެ މައްޗަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ތައުނުކުރަމުން 02 (ދޭއް) ކަމެއް ފާހަގަ ކުރެއެވެ.
32ފުރަތަމަ ކަމަކީ، ވަގުތީ ގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުން މަގާމާ ޙަވާލުވެފައިވާ ފަރާތްތަކުން ފެންވަރު ބެލުމުގެ އުޞޫލުގެ ސަލާޙިއްޔަތާމެދު އުފައްދާ ސުވާލެވެ. އަދި އިސްވެ ބުނެވުނު އުޞޫލު ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަގާމާ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޙަވާލުކުރެވުނުއިރު އެ އުޞޫލެއް އެކުލާވާލައިފައި ނުވާ ކަމާއި، ޤާނޫނު ރަޖުޢީކޮށް ތަޠުބީޤު ނުކުރެވޭ ކަމަށް ބުނާ ބުނުމެވެ. އަދި ދެވަނަ ކަމަކީ، ޤާނޫނުގައި ޕްރޮބޭޝަންގެ ގޮތުގައި ވަކި މުއްދަތެއް ކަނޑައަޅާފައި އޮންނަ ކަމާއި، ދާއިމީ މުވައްޒަފަކު އަލުން ޕްރޮބޭޝަނަށް ލެވިދާނެ ކަމަށް ނުދެކޭކަމަށް ބުނާ ބުނުމެވެ.33
33HN1ޤާނޫނު ވުޖޫދުވުމުގެ ކުރިން ހިނގާފައިވާ ވާޤިޢާ އެއް ނުވަތަ ޢަމަލެއްގެ މައްޗަށް ފަހުން ހެދޭ ޤާނޫނެއް ނުހިނގުމަކީ retrospective application of law)) ގެ އާންމު އުޞޫލެވެ.34 އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ޗީފް އެޑްމިނިސްޓްރޭޓަރުންގެ ވަޒީފާ ޙަވާލުކުރެވުނީ
23 އޮކްޓޫބަރު 2019 ގައެވެ. ޗީފް އެޑްމިނިސްޓްރޭޓަރުން މަގާމާ ޙަވާލުވެފައިވާ ފަރާތްތަކުން ފެންވަރު ބެލުމުގެ އުޞޫލުގެ ދަށުން ފެންވަރު ވަޒަންކުރާނެ ހަމަތަކާއި އިޖުރާއާތުތައް ކަނޑައަޅާފައިވަނީ މަގާމާ ޙަވާލުވިތާ ގާތްގަނޑަށް 10 މަސް ފަހުން 28 ޖޫން 2020 ގައެވެ.
34އެހެންކަމުން، މަގާމާ ޙަވާލުވިއިރު ފެންވަރު ބެލޭނެ ހަމައެއް ނުވަތަ އިޖުރާއާތުތަކެއް ދުރާލާ މުވައްޒަފުންނަށް އަންގާފައި ނުވެއެވެ. ފެންވަރު ވަޒަންކުރުމަށް ކަނޑައެޅުނު މުއްދަތަކީ،
23 އޮކްޓޫބަރު 2019 ފެށިގެން 30 ޖޫން 2020 އަށެވެ. މި މުއްދަތު ފަހަނައަޅައި ދިޔައިރު ފެންވަރު ބަލާފައިވެސް ނުވެއެވެ. އަދި އުޞޫލެއް ކަނޑައަޅާފައިވެސް ނުވެއެވެ.
35HN2ވުމާއެކު، މިތަނުގައި ދެ ކަމެއް ފާހަގަ ކުރަމެވެ. ފުރަތަމަ ކަމަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޙަވާލާދޭ އެންޓި ކޮރަޕްޝަން ކޮމިޝަން ވ. ޢަބްދުﷲ ޔާމީން35 މި ޤަޟިއްޔާގައި ކަނޑައަޅާފައި އޮތް ހަމައަށް ބަލައި، އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލަކާއި ގުޅިގެން މުވައްޒަފަކު ރިޑަންޑަންޓް ކުރާނަމަ، އެކަން ކުރެވޭނެ އުޞޫލުތައް ދުރާލާ މުވައްޒަފަށް އަންގަން ވާނެކަމަށް ބަޔާންކޮށްފައިވާތީވެ، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް މަސައްކަތުގެ ފެންވަރު ބެލޭނެ ގޮތެއް ނުވަތަ ހަމައެއް އަންގާފައިވާކަން އެނގެން ނެތެވެ.
36HN3ދެވަނަ ކަމަކީ، މުވައްޒަފު ވަޒީފާއިން ވަކިކުރި ސަބަބެއް ގޮތުގައި ބުނެފައިވަނީ ރިޑަންޑަންޓުކުރުމަށް ނިންމައި، ކަނޑައެޅުނު އުޞޫލުގެ ދަށުން 70 އިންސައްތަ ދަށުން މާކްސް ލިބިފައިވާތީވެ ވަގުތީ ގޮތުން ޗީފް އެޑްމިނިސްޓްރޭޓަރުން މަގާމާ ޙަވާލުވެފައިވާ ފަރާތްތަކުން ފެންވަރު ބެލުމުގެ އުޞޫލު ރަޖްޢީކޮށް ތަތުބީޤު ކޮށެވެ. އެހެންކަމުން، އެ އުޞޫލުގައިވާ ހަމަތަކަށް ބަލައި، ވަޒީފާއިން ވަކިކުރުމަށް ދައްކާފައިވާ ސަބަބާއި އަދި އެ އުޞޫލުގެ މައްޗަށް ބިނާކޮށް ކޮށްފައިވާ ކަންކަމަކީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ކޮށްފައިވާ ކަންތައްތަކެއް ކަމަށް ދެކުމުގެ ފުރުސަތު ހަންޏެވެ.
37HN4ނަތީޖާއެއްގެ ގޮތުން އިދާރީ އޮނިގަނޑަށް ގެނެވޭ ބަދަލަކާ ގުޅިގެން ނުވަތަ އެ ނޫންވެސް ސަބަބަކާ ހުރެ ކަމުގައި ވިޔަސް މުވައްޒަފަކު ރިޑަންޑަންޓު ކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު36 އިން ކަނޑައަޅާފައިވާ އާންމު ހަމަތައް އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި ދަމަހައްޓާފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ނެތްކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.
މަގާމަށް ރުޖޫޢަކުރުން
38މި އިސްތިއުނާފުގައި ދެވަނަ ކަމެއްގެ ގޮތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފާހަގަކުރާ ކަމަކީ، ކޯޓުތަކުގެ އިދާރީ އޮނިގަނޑުގައި މިހާރު ނެތް ވަޒީފާއަކަށް އިސްތިއުނާފު ރައްދުވާ ފަރާތްތައް އިޢާދަކޮށް ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށް ނިންމާފައިވާ ނިންމުން ތަންފީޒުކުރުމަކީ މުސްތަޙީލު ކަމެއް ކަމުގައި ބުނާ ބުނުމުގެ މައްޗަށެވެ. ނަމަވެސް، މި ބަހުސް މިހާރު މި މައްސަލައިގެ ތެރޭގައި އޮތްކަމަށް ގަބޫލުނުކުރެވެއެވެ. އެއީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ކުރިއަށް ދަނިކޮށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ތެރެއިން ޙުސައިން ރިޟާ އާދަމްގެ ވަޒީފާ ރުޖޫޢަކޮށް ދިނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމާފައި ވާތީއެވެ.
39މިގޮތުން 13 މާރިޗު 2023 ގައި ޙުސައިން ރިޟާ އާދަމް ވަޒީފާ ރުޖޫޢަކުރުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމުމަށްފަހު އޭނާއަށް އެ ޑިޕާޓްމަންޓުން ފޮނުވާފައިވާ ސިޓީގެ37 ޢިބާރަތަށް ބަލައި، ޙުސައިން ރިޟާ އާދަމްގެ ވަޒީފާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައި ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައި އޮތް އޮތުން ތަންފީޒު ކުރުމަށް އެ ޑިޕާޓްމަންޓުން ނިންމާފައިވާކަމަށް ދަންނަވާފައި ވެއެވެ.
40މި ސިޓީ އާ ގުޅޭގޮތުން ޖުޑީޝަލް ސަރވިސް ކޮމިޝަނާ ސުވާލު ކުރެވި، އެ ސިޓީގައިވާ ކަންކަމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދެއްކުމުގެ ފުރުޞަތު ދެވުނެވެ. އަދި މި ސިޓީ ޝަރީޢަތަށް ހުށަހަޅާފައިވަނީ ވެސް ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.
41HN5އިސްތިއުނާފު ރައްދުވަނީ 10 (ދިހައެއް) ފަރާތަށް ކަމަށްވެފައި، މީގެ ތެރެއިން އެއް ފަރާތެއްގެ ވަޒީފާ ރުޖޫޢަކޮށް ދިނުމަށް ނިންމައި، އެ ނޫން ފަރާތްތަކަށް އެ ފުރުސަތު ނުދެވި ތަފާތު ކުރެވިފައިވާ ސަބަބާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނާ ސުވާލުކުރުމުން އެކަމުގައި ގަބޫލު ކުރެވޭ ޖަވާބެއް ދެވިފައި ނުވާކަން ފާހަގަ ކުރަމެވެ. އަދި ވަޒީފާ ދޭފަރާތުގެ ހައިސިއްޔަތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އެއް ޙާލަތެއްގައި ތިބި މުވައްޒަފުންތަކެއްގެ ތެރެއިން ޙުސައިން ރިޟާ އާދަމްގެ ޙުކުމް ތަންފީޒު ކުރުމަށް ނިންމައި އެ ނޫން ފަރާތްތަކުގެ ޙުކުމް ތަންފީޒު ނުކުރުމަށް ނިންމުމަކީ އެ ޑިޕާޓްމަންޓަށް އޮތް އިޚްތިޔާރެއް ނޫންކަމަށް ބުނުމުގެ ފުރުސަތު ބޮޑެވެ.
42ވުމާއެކު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުގެ ވަޒީފާ އަނބުރާ ރުޖޫޢަކުރެވެން ނެތް ކަމަށް ދެކި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ފާހަގަކުރާ ކަންކަމަކީ މިހާރު ޚުސޫމަތު އޮތްކަމެއް ކަމަކަށް ނުދެކެމެވެ.
މައްސަލަ ނިންމަން ފެންނަގޮތް
43ބަޔާންވެދިޔަ ކަންކަމުގެ އަލީގައި، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލުގެންނަންޖެހޭ ފަދަ ސަބަބެއް އޮތް ކަމަކަށް އަހުރެންނަށް ފާހަގަ ނުކުރެވެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
44މި މައްސަލައަށް ބަލާއިރު، މިއީ 2020 އޮގަސްޓު 01 ގައި މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ 10 މީހުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމާ ގުޅިގެން އުފެދުނު ޚުޞޫމަތެކެވެ. ވަޒީފާ ދިން ފަރާތަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެވެ. މިއީ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުގައި ވެސް މި ވާޤިޢާ ބަޔާންކުރައްވާފައިވާ ގޮތެވެ. ސުވާލަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޝަރީޢަތުގައި ބައިވެރިވުމެއް ނެތި، މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅާނީ ކިހިނަކުން ހެއްޔެވެ؟ މި ސުވާލު އެހެން ގޮތަކަށް ކުރާނަމަ، މި މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ޚަޞްމެއް ހެއްޔެވެ؟ އެ ކޮމިޝަނަކީ ވަޒީފާ ދިން ފަރާތް ހެއްޔެވެ؟ އެހެން އިދާރާއެއް ތަމްސީލު ކުރުމުގެ ބާރު އެ ކޮމިޝަނަށް ލިބިފައިވޭ ހެއްޔެވެ؟ އެ ފަރާތަށް ވަޒީފާއާބެހޭ ޤާނޫނުގައި ވަޒީފާ ދިން ފަރާތުން މިފަދަ ޚުޞޫމަތްތަކުގައި އުފުލަންޖެހޭ ބުރަ ޤާނޫނީ ގޮތުން އުފުލޭނެ ހެއްޔެވެ؟ މި ސުވާލުތަކަށް ޖަވާބެއް ނުލިބި މި މައްސަލައިގެ މައުޟޫޢުގައި ގޮތް ކަނޑައެޅުމަކީ އަހުރެންގެ ޟަމީރު ޤަބޫލުކުރާ ކަމެއް ނޫނެވެ. ފަސޭހަކަމެއް ވެސް ނޫނެވެ.
45މަތީގައި މި ދެންނެވުނު މައުޟޫޢާ ގުޅޭ ސުވާލުތައް ޝަރީޢަތުގެ މަޖިލީހުގައި މި މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަނާ ކުރިމަތި ކޮށްފައިވެއެވެ. އެ ސުވާލުތަކުގެ ޖަވާބުގައި އެ ކޮމިޝަނުން ފާހަގަކޮށްފައިވާ މައިގަނޑު ކަންކަމަކީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދަޢުވާ ކުރުމާއި، ދަޢުވާ ލިބިގަތުމުގެ ބާރު ޤާނޫނުން ދީފައިނުވާ ކަމުގައެވެ. މިކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުން އެނގޭ ކަމުގައެވެ. މީގެ އިތުރުން އެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ) ގައި "ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން" މަތިކޮށްފައިވާ ކަމުގައެވެ. އަދި އެ ކޮމިޝަނަކީ ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ޤާނޫނުން ލިބިދީފައިވާ މުއައްސަސާއެއް ކަމުގައެވެ. ކަން މިހެން އޮތުމުން އެ ކޮމިޝަނަށް މި ބާވަތުގެ މައްސަލަތަކުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޯޓުގައި ތަމްސީލު ކުރެވޭނެ ކަމުގައެވެ.
46މި މައްސަލައިގެ ލިޔެކިޔުންތަކަށް ބަލާއިރު، ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މި މައްސަލަ ހުށަހަޅާފައިވަނީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށެވެ.38 އަދި މި މައްސަލައިގައި ޓްރައިބިއުނަލް މަރުޙަލާގައި ނެރެފައިވާ ވަގުތީ އަމުރު ނެރެފައިވަނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މައްޗަށެވެ.39 މައްސަލަތަކުގެ ނިންމުމުގައި، އެ ނިންމުން ރައްދުވާ ފަރާތެއްގެ ގޮތަށް އޮތީ ވެސް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެވެ. ޚަޞްމެއް ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ބަލައިގެން ޓްރައިބިއުނަލް މަރުޙަލާގައި މައްސަލަތައް ކުރިއަށް ގެންގޮސްފައިވީ ނަމަވެސް، ޑިޕާޓްމަންޓް ތަމްސީލު ކުރުމަށް ޓްރައިބިއުނަލަށް ހާޒިރުވެފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.40 އަދި މި ކަމާބެހޭ ގޮތުން އެ މަރުޙަލާގައި ބަހުސްކުރެވިފައިވާތީ ލިޔުންތަކުން ފެންނަން ނެތެވެ.
47ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުޙަލާއަށް ބަލާއިރު، މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކޮށްފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުންނެވެ.41 އިސްތިއުނާފު ފޯމު ހުށަހަޅާފައިވަނީ އެ ކޮމިޝަނުންނެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުޙަލާގައި ޚަޞްމެއްގެ ގޮތުގައި އެ ކޯޓުން ބަލައިގެންފައިވާ އިދާރާއެއް ނޫންކަން ސާފުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުން އެނގެއެވެ. ނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ އެ ކޮމިޝަނުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުވެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ތަމްސީލު ކުރުމަށް ކަމުގައެވެ.42 ނަމަވެސް މި ވާހަކަތައް އިތުރަށް މަސްހުނިވެ، މި މައްސަލައަކީ އެ ކޮމިޝަނުން ހުށަހަޅާފައިވާ މައްސަލައެއް ކަމުގައި ވެސް ދިވެހިރާއްޖޭގެ ހައިކޯޓުގައި އެ ކޮމިޝަނުން ތަކުރާރުކޮށް ބުނެފައިވެއެވެ.43 ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޚަޞްމެއްގެ ގޮތުގައި ދަށު މަރުޙަލާގައި ހިންގާފައިވާ މައްސަލަތަކެއްގައި، އެ ޚަޞްމު މުޅިން އެހެން އިދާރާއަކަށް ބަދަލުވީ ކޮން ގޮތަކަށް ކަމެއް ސާފުވާން ނެތެވެ. އެ މަރުޙަލާގައި ޤާނޫނަށް އައި ބަދަލެއް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި އުސްއަލިވެފައި ނުވެއެވެ.
48މި ކަންކަމުގެ އިތުރަށް ދެ އިދާރާގެ މަސްހުނިވުން އިތުރު ހަރުފަތަކަށް ގޮސްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިމުނު ފަހުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ޓްރައިބިއުނަލާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ތަންފީޒު ކުރުމުގެ ގޮތުން ފިޔަވަޅެއް އަޅާފައި އޮތުމުންނެވެ. މި ފިޔަވަޅުގެ ވާހަކަ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުގައި (39 ވަނަ ޕެރެގްރާފުގައި) ބަޔާންކޮށްފައިވެއެވެ.
49ކޯޓުތަކުން ދަޢުވާ ބަލައިގަތުމުގައި، ދަޢުވާ ކުރާ ފަރާތަކީ ދަޢުވާ ކުރުމުގެ މަސްލަހަތު އޮތުމުގެ އިތުރުން އެ ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ. މިއީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް44 މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލެކެވެ. މި އުޞޫލު އިތުރަށް ތަފުސީލު ކުރަމުން މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ45 މައްސަލައިގައި ދަޢުވާ ކުރާ ފަރާތަކީ ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިގެންވާ ފަރާތެއްކަން އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުން މައްސަލަ ބަލައިގަތުމުގައި ބަލަންޖެހޭނެ ކަމުގައި ކަނޑައަޅާފައިވެއެވެ. އަދި ޤާނޫނީ ގޮތުން މައްސަލައެއްގައި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިނުވާ ނަމަ، އެ ދަޢުވާ ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމުގައި ވެސް އެ މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.
50ކަން މިހެން އޮތުމުން މި މައްސަލައިގައި ޚަޞްމުންނަކީ ކޮބައިކަމާއި، ދަޢުވާ ލިބިގަތުމުގެ ހައިސިއްޔަތު ޤާނޫނީ ގޮތުން ލިބިފައިވަނީ ކޮން އިދާރާއަކަށް ކަން ސާފުވާންޖެހެއެވެ. މި ވިސްނުމުގައި، މި ހިސާބުން ކުރު ގޮތަކަށް މި ބަލާލަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ދައުރު ޤާނޫނުގައި ބަޔާންވެފައިވާ ގޮތުގެ މައްޗަށެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން
51ޖުޑީޝަލް ސަރވިސް ކޮމިޝަނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީން އުފައްދާފައިވާ މިނިވަން މުސްތަޤިއްލު މުއައްސަސާއެކެވެ. ޢަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގައި ހިމެނޭ އެންމެހައި މީހުންނާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ކޮންމެ ފަރާތެއްގެ މައްޗަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ އިޚްތިޞާޞް ހިނގާނެ ކަމުގައި ޤާނޫނުއަސާސީ ބުނެއެވެ. މި ކޮމިޝަނުގެ މައިގަނޑު މަސްއޫލިއްޔަތަކީ، ފަނޑިޔާރުން އައްޔަންކުރުމާއި، ވަކިކުރުމާއި، ފަނޑިޔާރުންނާ ގުޅޭ ގޮތުން އުފުލޭ ޝަކުވާތައް ބަލައި ފިޔަވަޅު އެޅުމެވެ. މި ކޮމިޝަން ހިންގާނީ ޤާނޫނުގައިވާ ގޮތުގެ މަތިން ކަމުގައި ވެސް ޤާނޫނުއަސާސީގައި ބަޔާންވެފައި ވެއެވެ.
52ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގައި ބަޔާންވެފައި ވެއެވެ. މި ބާރުތަކުގެ ތެރޭގައި ވަކި އިދާރާއެއް ކޯޓުތަކުގައި ތަމްސީލު ކުރުމެއް ހިމެނިފައި ނުވެއެވެ. އަދި ވަކި އިދާރާއެއް އެ ކޮމިޝަނުގެ ބެލުމުގެ ދަށުން ހިންގުން ވެސް ހިމެނިފައި ނުވެއެވެ. ނަމަވެސް، "ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި ހިންގައި ބެލެހެއްޓުން" ހިމެނިފައިވާކަން ފާހަގަ ކުރަމެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
53ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޤާނޫނުން އުފައްދާފައިވާ އިދާރާއެކެވެ. މި އިދާރާގެ އެންމެ އިސް ފަރާތަކީ ޗީފް ޖުޑީޝަލް އެޑްމިނިސްޓަރޭޓަރެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޢައްޔަންކޮށް ވަކި ކުރުމުގެ ބާރު ޤާނޫނުން ދީފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނަށެވެ.
54ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ޤާނޫނުން މަތިކޮށްފައިވާ ބައެއް ޒިންމާތައް އަދާކުރާނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން ކަމުގައި ޤާނޫނުގައި ބަޔާން ވެފައިވެއެވެ. މީގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން ފަނޑިޔާރުންނަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުންނަށާއި، ކޮމިޝަނުގެ މުވައްޒަފުންނަށާއި، ޝަރުޢީ ދާއިރާއަށް ބޭނުންވާ ތަމްރީން ޕްރޮގްރާމްތަކާއި ތާޒާކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން.
(ށ) ފަނޑިޔާރުންގެ ޢިލްމީ ފެންވަރު މަތިކުރުމުގެ ގޮތުންނާއި ފަންނީ ހުނަރު އިތުރުކުރުމުގެ ގޮތުން ބާއްވަންޖެހޭ ބައްދަލުވުންތަކާއި، ސެމިނާރ އަދި ކޮންފަރެންސްތައް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުޞޫލާ އެއްގޮތަށް ބޭއްވުން.
(ނ) އެކިއެކި ޖުޑީޝަލް ދާއިރާތަކުގެ މައްސަލަތައް ނުނިމި ލަސްވުމުގެ ސަބަބުން ނުވަތަ އެ ދާއިރާއެއްގައި މެޖިސްޓްރޭޓުން މަދުވުމުގެ ސަބަބުން މައްސަލަ ބެލުން ލަސްވަމުންދާނަމަ، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން ރަށްރަށަށް ފޮނުވަންޖެހޭ ޝަރުޢީ ވަފުދުތައް ފޮނުވުމުގެ އިދާރީ ކަންކަން ހަމަޖެއްސުން؛
(ރ) ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ތެރޭގައި ހިމެނޭ އެންމެހައި ކޯޓުތަކުގެ އިދާރީ މުވައްޒަފުންގެ ވަޒީފާއާބެހޭ ކަންކަން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކާ އެއްގޮތްވާ ގޮތުގެމަތިން، ހިންގައި ބެލެހެއްޓުން.
55މަތީގައި މި ބަޔާންކުރި 04 މަސްއޫލިއްޔަތަކީ، ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 1-21 ވަނަ މާއްދާގެ (ރ) ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމަނާފައިވާ 25 މަސްއޫލިއްޔަތުގެ ތެރެއިން ހަމައެކަނި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ އުޞޫލަކުން ކުރުމަށް މަތިކޮށްފައިވާ 04 މަސްއޫލިއްޔަތެވެ. އެހެނިހެން މަސްއޫލިއްޔަތު އަދާކުރުމުގައި އެ ކޮމިޝަނުގެ ދައުރެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވެއެވެ. މީގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 1-21 ވަނަ މާއްދާގެ (ރ) ގެ 02 ވަނަ ނަންބަރުގައި އޮތް "ކޯޓުތަކަށް އިދާރީ މުވައްޒަފުން ޢައްޔަން ކުރުމާއި، މަޤާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުން" ޚާއްޞަ ގޮތެއްގައި ފާހަގަ ކުރަމެވެ.
56މި ފާހަގަކުރި މަސްއޫލިއްޔަތުތައް ބަޔާންކުރުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދައުރެއް ޤާނޫނުގައި ބަޔާންކޮށްފައި ނުވަނީ ވަކި މަޤުޞަދެއްގައި ކަމުގައި ދެކެމެވެ. އެއީ ޝަރުޢީ ދާއިރާގެ މިނިވަންކަން ރައްކާތެރިކުރުމެވެ. އެންމެ ތިލަކޮށް ބުނާނަމަ، ފަނޑިޔާރުންގެ މަސައްކަތަށް އެހީތެރިވުމަށް ކޯޓުތަކަށް ޢައްޔަންކުރެވޭ މުވައްޒަފުން އައްޔަންކޮށް ވަކި ކުރުމުގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރެއްގެ ހައިސިއްޔަތުން ބަންޑާރަ ނައިބާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، އެ މަޖިލީހުގެ މެންބަރަކަށް ބަސްބުނުމުގެ ފުރުސަތު ނުދިނުމެވެ. އެ ފުރުސަތު ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސަށް ވެސް ނުދިނުމެވެ. ޤާނޫނީ ވަކީލުން ތަމްސީލުކުރާ ޤާނޫނީ ވަކީލާއި، ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަނަށް އައްޔަންކޮށްފައިވާ މެންބަރަށް ވެސް ނުދިނުމެވެ.
ދެ އިދާރާގެ ގުޅުން
57ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކަށް ބަލާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނާ އެހެން އިދާރާއެއްގެ ކަންކަން ދުވަހުން ދުވަހަށް ބެލުމުގެ އެއްވެސް މަސްއޫލިއްޔަތެއް މަތިކޮށްފައި ނެތެވެ. އެ ކޮމިޝަނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މަސްއޫލިއްޔަތު ޤާނޫނުގައި އެކަށައެޅިފައިވާ ގޮތަށް ބަލާއިރު، ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ބައެއް މަސްއޫލިއްޔަތު އަދާކުރުމުގެ އުޞޫލުތައް ހެދުމުގެ ބާރު އޮތުމުން، ހަމައެކަނި އެ ކޮމިޝަނަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ ގުޅިގެން ޤާނޫނުން ލިބިފައިވާ ބާރަކީ އުޞޫލުތައް އެކަށައެޅުމުގެ ބާރުކަން އެނގެއެވެ.
58ކަން މިހެން އޮތުމުން ޤާނޫނުގައި އޮތް ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ބާރުގެ ޢާންމު އިދާރީ ކަންކަން ރާވައި ހިންގައި ޖުޑީޝަލް ސަރވިސް ކޮމިޝަނުން ބަލަހައްޓާނީ ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންވެފައިނުވާ ނަމަ، އެ ކޮމިޝަނުން އެކަށައަޅާ އުޞޫލުތަކުގެ ތެރެއިންކަން އެނގެއެވެ. މި ނޫން ގޮތަކަށް މިކަން ތަސައްވުރު ކުރެވޭ ނަމަ، ޤާނޫނުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަމުގައި ވަކި އިދާރާއެއް ހަމަޖައްސައި، އެ އިދާރާގެ މަސްއޫލިއްޔަތުތައް ބަޔާންކުރުމުގެ ބޭނުމެއް ނެތެވެ.
ވަޒީފާދޭ ފަރާތް ތަމްސީލު ކުރުމުގެ ހައިސިއްޔަތު
59ކޯޓުތަކަށް އިދާރީ މުވައްޒަފުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުމަކީ ޤާނޫނުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާ މަތިކޮށްފައިވާ ޒިންމާއެކެވެ. އެހެން ގޮތަކަށް ބުނާނަމަ، ކޯޓުތަކުގެ މުވައްޒަފުންނަށް ވަޒީފާދޭ ފަރާތަކީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނެވެ.
60ވަޒީފާދޭ ފަރާތަކީ ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމުގެ ޒިންމާ މަތިކޮށްފައިވާ ފަރާތެވެ. މިކަން ބަޔާންކޮށް ވަޒީފާއާބެހޭ ޤާނޫނުގެ46 27 ވަނަ މާއްދާގައި ބަޔާންވެފައިވަނީ އަންނަނިވި ޢިބާރާތެވެ.
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެއެވެ.
61ވަޒީފާއިން ވަކިކުރުމާ ގުޅިގެން މުވައްޒަފަކު ހުށަހަޅާ ދަޢުވާއެއްގައި ވަޒީފާއާބެހޭ ޤާނޫނުން މަތިކޮށްފައިވާ ސާބިތުކޮށް ދިނުމުގެ ޒިންމާ އެ މައްސަލައެއްގެ ޚަޞްމަކަށް މެނުވީ އަދާ ނުކުރެވޭނެއެވެ. ވަޒީފާދޭ ފަރާތުން އެ ދަޢުވާ އުފުލޭ މަޖިލީހަށް ހާޒިރުވެ ވާހަކަ ދައްކައިގެން މެނުވީ އެ ޒިންމާއެއް އަދާ ނުކުރެވޭނެއެވެ. އެ ޒިންމާ އަދާކުރުމާ ގުޅިގެން ނުވަތަ އެ ފަދަ ދަޢުވާއަކާ ގުޅިގެން ޝަރީޢަތުން ކުރާ އަމުރެއް ވަޒީފާދޭ ފަރާތުގެ މައްޗަށް މެނުވީ ނުނެރެވޭނެއެވެ. ނުވަތަ އަންގާ އެންގުމެއް އެ ފަރާތުގެ މައްޗަށް މެނުވީ ނުއެންގޭނެއެވެ.
62ކަން މިހެން އޮތުމުން ކޯޓުތަކަށް އިދާރީ މުވައްޒަފުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުމުގެ ބާރަކީ ޤާނޫނުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ބާރަކަށް ވީތީވެ، އެ ބާރު ހެޔޮގޮތުގައި ތަންފީޛު ކުރުމަށްޓަކައި، އެ އިދާރާއަށް ބޭނުންވާ އެންމެހާ ސީދާ ބާރުތަކާއި ނުސީދާ ބާރުތައް އެ އިދާރާއަށް ލިބިގެންވާ ކަމުގައި ބަލަންޖެހެއެވެ. މި މޭރުމުން އެ ފަދަ މައްސަލަތަކުގައި ކޯޓުތަކުގައި ދަޢުވާ ލިބިގަނެ، އަދި ދަޢުވާ ކުރުމުގެ ބާރު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިގެންވާ ކަމުގައި ދެކެމެވެ. އަދި މި މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އެ ޑިޕާޓްމަންޓް ތަމްސީލު ކުރުމުގެ ޤާނޫނީ ހައިސިއްޔަތެއް ލިބިގެންވާ ކަމުގައި ނުދެކެމެވެ.
63މި ނޫން ގޮތަކަށް މާނަކުރާނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ބޭނުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 (4) ގެ 02 ވަނަ ނަންބަރުގައި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މަސްއޫލިއްޔަތުގެ ގޮތުގައި ހިމެނިފައިވާ، ކޯޓުތަކަށް އިދާރީ މުވައްޒަފުން ޢައްޔަންކުރުމާއި، މަޤާމުގެ ކުރިއެރުންދިނުމާއި، އިދާރީ ފިޔަވަޅު އެޅުމާއި، ވަކިކުރުމަކީ އެ ކޮމިޝަނުގެ މަސްއޫލިއްޔަތެއް ކަމުގައި ދެކި، ވަޒީފާއިން ވަކިކުރާ މުވައްޒަފުން ވަކި ކޮށްފައިވާ ސަބަބުގެ އެކަށޭނެކަމާމެދު ޓްރައިބިއުނަލް މަރުޙަލާ އާއި އިސްތިއުނާފީ ކޯޓުތަކުގައި ބަސްބުނުމަކީ ޤާނޫނުން ވަކި އިދާރާއަކަށް ލިބިދީފައިވާ ބާރުތަކާއި، ޒިންމާތައް އެ ކޮމިޝަނަށް ލިބިދީފައިވާ ކަމުގައި އަމިއްލައަށް ދެކިގެން ބަސްބުނާ ބުނުމެއް ކަމުގައި މެނުވީ ނުވާނެއެވެ.
ނިންމަން ފެންނަ ގޮތް
64ޢާންމު އުޞޫލަކީ، އަހުރެން މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ47 މައްސަލައިގައި ވެސް ފާހަގަ ކުރި ފަދައިން ޤާނޫނީ ގޮތުން މައްސަލައެއްގައި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިނުވާ ނަމަ، އެ ދަޢުވާ ކޯޓުން ކުރިއަށް ނުގެންދެވުމެވެ. އެހެން ނަމަވެސް މި މައްސަލައަށް ބަލާއިރު، މި ޢާންމު އުޞޫލު ތަޠުބީޤު ކުރުމުގައި ދަތިތަކެއް އެބަހުއްޓެވެ.
65އެންމެ ފުރަތަމަ ދައްޗަކީ، މި މައްސަލައިގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަކީ ޚަޞްމެއްގެ ގޮތުގައި ޓްރައިބިއުނަލްގައި ބަލައިގަނެ މައްސަލަ ކުރިއަށް ގެންގޮސްފައި އޮތް އޮތުމެވެ. ދެވަނަ ދައްޗަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ މަރުޙަލާގައި ޚަޞްމެއްގެ ގޮތުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިމެނިފައިނުވި ނަމަވެސް، މައްސަލަ ކުރިއަށް ގެންދިއުމުގައި އެ އިދާރާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުވެފައިވުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ބަލައިގަނެ އެ ނިންމުން ތަންފީޒު ކުރުމަށް އެ އިދާރާއިން ފިޔަވަޅު އަޅާފައިވުމެވެ. މި ކަންކަން މިހެން ހުރުމުން، މި މައްސަލަ ހިންގުމުގައި، އަދި މި މައްސަލައިގެ ޝަރުޢީ ނިންމުންތައް ތަންފީޒު ކުރުމުގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އެކުއެކީގައި އެއްފަރާތް ކުރެވިފައިވާ ކަމުގައި ބެލެވެން ނެތެވެ.
66މީގެ އިތުރަށް މި މައްސަލައަކީ، ގިނަ ބައެއްގެ ވަޒީފާ އަދާކުރުމުގެ އަސާސީ ޙައްޤާ ގުޅިފައިވާ މައްސަލައެކެވެ. މި މައްސަލަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހިމަނައިގެން ދިވެހިރާއްޖޭގެ ހައިކޯޓު މަރުޙަލާއިން ފެށިގެން ބަލަން ނިންމި ނަމަވެސް، މައުޟޫޢީ ގޮތުން މި މައްސަލައިގައި އިތުރު ގޮތްތަކެއް ކަނޑައެޅިދާނެ ކަމުގައި އަހުރެންނަށް ނުފެނެއެވެ. އަދި އެ ފަދައިން މައްސަލަ އަލުން ބެލުމަށް ފޮނުވައިފި ނަމަ، ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތައް އިތުރު ތަކުލީފު އުފުލަންޖެހޭނެ ވެސް މެއެވެ.
67ކަންމިހެން އޮތުމުން މި މައްސަލައިގެ މައުޟޫޢުގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ފާހަގަ ކުރައްވާފައިވާ ކަންކަމަށާއި، ފަނޑިޔާރުގެ ނިންމުމަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު
68މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުގައި އިތުރަށް ފާހަގަ ކުރައްވާފައިވާ ކަންކަމަށްވެސް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/379 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/380 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/381 ޤަޟިއްޔާ އާއި ނަންބަރު
2021/HC-A/382 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/383 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/384 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/385 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/386 ޤަޟިއްޔާ އާއި ނަންބަރު 2021/HC-A/387 ޤަޟިއްޔާ އާއި އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/388 ޤަޟިއްޔާގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޑރ. މުޙައްމަދު އިބްރާހީމް (ރިޔާސަތު)
ޑރ. އަޒްމިރާލްދާ ޒާހިރު
މަޙާޒު ޢަލީ ޒާހިރު
ފުޓްނޯޓު
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަޟިއްޔާ
- [2021] SC 15
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/48 ޤަޟިއްޔާ
- ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނު (އިސްލާހުތަކާއެކު) މާއްދާ 1-21 ގެ (ރ) ގެ (1)
- ޑިޕާޓްމަންޓް އޮފ ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ސަރކިއުލަރ ނަންބަރު 2020/12
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 198-A/2020/33,34,35,36,37,38,39,40,41,42 ސިޓީތައް
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 198-A/2020/55,56,57,58,59,60,62,64,65,66 ސިޓީތައް
- ނަމަވެސް މި ޕެރެގްރާފް ގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ފާހަގަކޮށްފައިވާ ފުރަތަމަ ސުވާލު ޖަވާބު ދިނުމުން ދެވަނައަށް ތައުނުކުރާ ކަންކަމުގެ ޖަވާބު ހޯދުމުގެ ޟަރޫރަތެއް ނެތެވެ. (ޕެރެގްރާފް 33، 34، 35 އަދި 36)
- މި ހަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެއް މައްސަލައަށް ވުރެ ގިނަ މައްސަލަތަކުގައި ދަމަހައްޓާފައިވާ ކަން އެނގެއެވެ. މީގެ ތެރޭގައި އިލެކްޝަން ކޮމިޝަން ވ. ފަރީދާ ޢުމަރު (2017/SC-E/05) އާއި ޒުލައިޚާ ހަފީޘާ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (2014/SC-A/12 ) އާއި އާދަމް ނަސީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (2015/SC-A/20 ) އަދި ޢަބްދުލް ޣަފޫރު ޙާމިދު ވ. މޫސާ ފަތުޙީ (2018/SC-A/25) ފަދަ މައްސަލަތައް ހިމެނެއެވެ.
- ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 198-A/MIS/2023/54(13 މާރިޗް 2023)
- ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މައްސަލަ ހުށަހެޅި ފޯމުތައް
- ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ވަގުތީ އަމުރަށް އެދުނު މައްސަލައިގައި ޓްރައިބިއުނަލުން ނިންމި ގޮތް ނަންބަރު
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/379,380,381,382,383,384,385,386,387,388 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު
- އބމ
- އބމ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/24 ޤަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ)
- ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21 ވަނަ މާއްދާގެ (ބ)
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 30 ވަނަ މާއްދާ އަދި 31 ވަނަ މާއްދާ
- ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 96 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންނާއި އިދާރީ އެންމެ އިސް މުވައްޒަފުންގެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ކޯޓުތަކާއި ދާއިރާތައް ހިންގުމުގެ އިދާރީ އިންތިޒާމްތައް ހަމަޖެއްސުމުގެ އުޞޫލުގެ 1 ވަނަ ނަންބަރު އަދި 9 ވަނަ މާއްދާގެ (ހ)
- ޝަރުޢީ ކޯޓުތަކުގެ ޗީފް އެޑްމިނިސްޓްރޭޓަރުންގެ މަސްއޫލިއްޔަތާއި ވަގުތީ ގޮތުން ޙަވާލުވެ ތިބި ފަރާތްތަކުގެ ޕްރޮބޭޝަންގެ މުއްދަތުގައި މަސައްކަތުގެ ފެންވަރު ވަޒަންކުރުމުގައި ބަލާނެ މިންގަނޑުތަކާއި އުޞޫލުގެ 4 ވަނަ ނަންބަރު
- ސުޕްރީމް ކޯޓުގެ 2018/SC-A/31 (އަޙްމަދު ޝިޔާޛް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- ސުޕްރީމް ކޯޓުގެ 2017/SC-A/44 (ސަންލޭންޑް ޓްރެވެލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު)
- ސުޕްރީމް ކޯޓުގެ [2021] SC 15 (ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް)
- ސުޕްރީމް ކޯޓުގެ 2014/SC-A/48 (އެންޓި-ކޮރަޕްޝަން ކޮމިޝަން ވ. ޢަބްދުﷲ ޔާމީން)
- ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން
- ސުޕްރީމް ކޯޓުގެ 2017/SC-E/05 (އިލެކްޝަން ކޮމިޝަން ވ. ފަރީދާ ޢުމަރު)
- ސުޕްރީމް ކޯޓުގެ 2014/SC-A/12 (ޒުލައިޚާ ހަފީޘާ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2015/SC-A/20 (އާދަމް ނަސީރު ވ. މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ)
- ސުޕްރީމް ކޯޓުގެ 2018/SC-A/25 (ޢަބްދުލް ޣަފޫރު ޙާމިދު ވ. މޫސާ ފަތުޙީ)
- ސުޕްރީމް ކޯޓުގެ 2009/SC-A/24 (ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް)
- ސުޕްރީމް ކޯޓުގެ މޫސާ ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޝަރީޢަތުގެ ވީޑިއޯ
- ▶ ޝަރީޢަތުގެ އަޑުއެހުން 1
- ▶ ޝަރީޢަތުގެ އަޑުއެހުން 2
- ▶ ޝަރީޢަތުގެ އަޑުއެހުން 3
- ▶ ޝަރީޢަތުގެ އަޑުއެހުން 4
- ▶ ޙުކުމް އިއްވުން
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.