ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2017/SC-A/44
އިސްތިއުނާފު ކުރާ ފަރާތް:
ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރޭޝަން ނަންބަރު C9/85)
އިސްތިއުނާފު ރައްދުވާ ފަރާތް:
އަންޖަލީން މޭރީ ނާޒިއު ، 14 ވެސްޓް އެވެނިއު، ޑެވެންޓްރީ، ނޯތެމްޓަން (ޕާސްޕޯޓް ނަންބަރު )
މައްސަލައިގެ ބާވަތް:
ވަޒީފާއާބެހޭ
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
30 އޮގަސްޓް 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:
12 ޑިސެމްބަރ 2017ނިމުނު ތާރީޚު:
26 ނޮވެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ގަޒިއްޔާ
ނަންބަރު:
2017/HC-A/38
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
19 ޑިސެމްބަރ 2016ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
12 ޖޫން 2017ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
އަންޖަލީން މޭރީ ނާޒިއު (ޔުނައިޓެޑް ކިންގްޑަމް އޮފް ގްރޭޓް ބްރިޓަން އެންޑް ނޯރދަން އަޔަރލެންޑް ޕާސްޕޯޓް ނަންބަރު ، މީގެ ފަހުން "އަންޖަލީން ނާޒިއު")، 1 ޖޫން 2001 އިން ފެށިގެން ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑްގައި ސޭލްސް މެނޭޖަރެއްގެ ވަޒީފާއަދާކުރަމުން ދަނިކޮށް، ދުނިޔޭގެ މާކެޓަށް އަންނަ މާލީ ހީނަރުކަމާއި، އިގްތިޞާދީ ބަދަލުތަކާއި ގުޅިގެން ކުންފުނީގެ އޮޕަރޭޝަންސް ރީސްޓްރަކްޗަރ ކުރުމަށް ނިންމުމާއި ގުޅިގެންކަމަށް ބުނެ، 01 މާރޗް 2012 އިން ފެށިގެން އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށްފައިވާކަމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން އޭނާއަށް އެންގިއެވެ. އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރުމުގެ ކުރިންވެސް މުސާރައާއި، އެލަވަންސާއި، ބޯނަސް އަދި ސަރވިސް ޗާރޖްގެ ގޮތުގައި ލިބެންޖެހޭ ބައެއް ފައިސާ ދީފައިނުވާތީ، މައްސަލަ ނިންމާ ތާރީޚާ ހަމައަށް ލިބެންޖެހޭ މުސާރައާއި، އެލަވަންސާއި، ބޯނަސް އާއި، ސަރވިސް ޗާރޖް އަދި މިނޫންވެސް ލިބެންޖެހޭ އެންމެހައި ފައިސާއާއި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ހާސްކަމާއި، ހިތްދަތިކަމާއި، ނުތަނަވަސްކަމާއި، ނިކަމެތިކަމަށް ބަދަލެއް ކަނޑައަޅައިދިނުމަށް އެދި 29 މެއި 2012 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައި ނިންމާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 101/VTR/2012 މައްސަލައިންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ނިންމާފައިވަނީ އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ހާލަތެއް މެދުވެރިވެގެންކަމަށް އެ ޓްރައިބިއުނަލަށް ބުރަވެވިގެން، ނަމަވެސް އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިނުވާތީ، ބަދަލުދޭންޖެހޭކަމަށް ކަނޑައަޅައެވެ. އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މި ނިންމުން އަންޖަލީން ނާޒިއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުގެ ނަންބަރު 2017/HC-A/38 ގަޒިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ބާތިލުކޮށްފައިވެއެވެ.
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/38 ގަޒިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި މައްސަލައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް
އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ތެރެއިން ރިޑަންޑަންސީގެ ހާލަތެއް މެދުވެރިގެންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅިއެވެ. އެހެންނަމަވެސް މި މައްސަލައިގައި އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައިނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިގޮތަށް ނިންމާފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ލިޔުންތަކަށް ބަލާއިރު، ހިންގުމުގެ އޮނިގަނޑަށް ބަދަލުތަކެއް ގެނެސްފައިވާކަމަށާއި، އަދި އެކަން ކޮށްފައިވަނީ ކުންފުނި ހިންގުން ރަނގަޅުކުރުމަށް ތެދު ނިޔަތުގައިކަމަށް ބުރަވެވޭތީކަމަށާއި، ނަމަވެސް ކުންފުނީގެ މަތީ ލެވެލްގައި ހިންގުމުގެ އޮނިގަނޑަށް ބަދަލުގެނައުމަށް ނުވަތަ ރީސްޓްރަކްޗަރިންގގެ ވާހަކަތައް ދެކެވިފައިވާއިރު އެކަންކަން މުވައްޒަފުންނަށް އެންގިކަން އެނގިފައިނުވާކަމަށާއި، ޚާއްސަކޮށް މައްސަލަ ހުށަހެޅި ފަރާތަށް އެކަންކަން އަންގާފައިވާކަން އެނގެން ނެތްކަން؛
(ށ) ކުންފުނިތަކުގެ ނަފާ އިތުރު ކުރުމާއި ހަރުދަނާކުރުމަށް ނިންމާ ނިންމުންތައް ނިންމަންވާނީ ހެޔޮ ނިޔަތުގައިކަމަށް ދެކޭކަމަށާއި، އަދި ކުންފުނިން ނިންމާ އެފަދަ ނިންމުމެއްގެ ސަބަބުން މުވައްޒަފުން ނުވަތަ މުވައްޒަފެއްގެ ވަޒީފާއަށް އަސަރުކުރާނަމަ ނުވަތަ މުވައްޒަފެއްގެ ވަޒީފާ ގެއްލިގެން ދާކަމުގައިވާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ދޫކޮށްލުމުގައި ޢަދުލުވެރިކަމާއެކު ޢަމަލުކުރަންވާނެކަމަށް ދެކޭކަން؛
(ނ) އަންޖަލީން ނާޒިއު ވަޒީފާއިން ދޫކޮށްލަން އުޅޭކަން އޭނާއަށް ދުރާލާ އަންގާފައިނުވުމުގެ އިތުރުން އިޖުރާއީ ޢަދުލުވެރިކަން ގާއިމުވިކަމަށް ބަލާނެ އެހެނިހެން ކަންކަން ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ފުރިހަމަކޮށްފައިވާކަމަށް ނުދެކޭކަން؛
(ރ) ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރަންޖެހޭކަމާއި، މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރެވިފައިނުވާކަމާއި، ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރެވިފައި ނެތުމަކީ އަލުން އަނބުރާ ވަޒީފާދިނުމަށް ވަޒީފާދޭފަރާތަށް އެނގިދާނޭ ހުއްޖަތެއް ނޫންކަމަށް ހައިކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާކަން.
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ނިންމާފައިވަނީ، މި މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރެވިފައި ނެތުމުން، އަންޖަލީން ނާޒިއުއަށް މާލީ ބަދަލެއްގެ ގޮތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 85 ވަނަ މާއްދާގެ (ށ)ގެ ދަށުން 3500/- (ތިންހާސް ފައްސަތޭކަ) އެމެރިކާ ޑޮލަރާއި، މުވައްޒަފުގެ ހުއްދައެއް ނެތި މުސާރައިން އުނިކޮށްފައިވާ 3500/- (ތިންހާސް ފައްސަތޭކަ) އެމެރިކާ ޑޮލަރާއި، 2000/- (ދެހާސް ރުފިޔާ) އާއި، ވަޒީފާއިން ދޫކޮށްލާފައިވަނީ ރިޑަންޑަންޓުކުރެވޭނެކަމަށް ކުރިން އަންގާފައި ނުވާތީ، ނޯޓިސްގެ މުއްދަތަށް 10,400/-ރ. (ދިހަހާސް ހަތަރުސަތޭކަ ރުފިޔާ) އާ އެކު ޖުމްލަ، 7000/- (ހަތްހާސް އެމެރިކާ ޑޮލަރު) އާއި 12,400/-ރ. (ބާރަހާސް ހަތަރުސަތޭކަ ރުފިޔާ) 07 (ހަތެއް) ދުވަސް ތެރޭގައި އަންޖަލީން ނާޒިއުއަށް ދެއްކުމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑަށް އަންގައެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
އަންޖަލީން ނާޒިއުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 101/VTR/2012 ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އަދި ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2017/HC-A/38 ގަޒިއްޔާގައި ޙުކުމްކޮށްފައިވަނީ އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށެވެ. ހައިކޯޓުން އެ ނިންމުމަށް ވާސިލުވީ އަންނަނިވި ސަބަބުތަކުގެ މައްޗަށް ބުރަވެއެވެ.
(ހ) ރިޑަންޑަންސީގެ ހާލަތެއް ހަޤީޤަތުގައިވެސް ކުރިމަތިވެފައިވާކަން އަދި ރިޑަންޑަންޓުވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ހެޔޮ ނިޔަތުގައިކަން އަދި އެކަމަކީ ވަކި މުވައްޒަފަކު ނުވަތަ މުވައްޒަފުންތަކެއް ކަނޑައެޅިގެން ވަޒީފާއިން ބޭއިންސާފުން ވަކިކުރުމުގެ މަޤުސަދުގައި ކޮށްފައިވާކަމެއް ނޫންކަން ސާބިތުކޮށްދިނުމުގެ ބުރަ އުފުލަންޖެހޭނީ ވަޒީފާދިން ފަރާތުންކަން؛
(ށ) މި މައްސަލައިގައި ކުންފުނީގެ މާލީ ހާލަތާ ގުޅިގެން ކުންފުނީގެ ހިންގުން ހަރުދަނާކޮށް ނަފާ އިތުރުކުރުމަށްކަމަށް ބުނެ ކުންފުނީގެ އޮނިގަނޑަށް ގެނައި ބަދަލުތަކާ ގުޅިގެން ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާއަދާކުރަމުން ގެންދިޔަ މުވައްޒަފުންގެ ތެރެއިން ރިޑަންޑަންޓުވެގެން ވަޒީފާއިން ވަކިކޮށްފައިވަނީ ހަމައެކަނި އަންޖަލީން ނާޒިއުކަމަށް އެފަރާތުން ބުނާކަމަށާއި، އަންޖަލީން ނާޒިއުގެ އިތުރުން އެހެން ބައެއް މުވައްޒަފުންވެސް ރިޑަންޑަންޓު ކުރެވުނުކަމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވީނަމަވެސް، އެކަން އެނގޭނޭ ލިޔުމެއް ކޯޓަށް ހުށަހެޅުމަށް ފުރުސަތު ދެވުނު ނަމަވެސް އެފަދަ ލިޔުމެއް ހުށަހަޅާފައިނުވާކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލަށްވެސް އެފަދަ ލިޔުމެއް ހުށަހަޅާފައިނުވާކަން؛
(ނ) ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ އޮނިގަނޑަށް ގެނެވުނު ބަދަލުތަކާ ގުޅިގެން އެކި ލެވެލްތަކުގެ އިތުރު މަޤާމުތަކެއް އުފެދިފައިވާކަން މައްސަލައިގައި ހިމެނޭ ފަރާތްތަކުން ޝަރީޢަތުގެ މަޖިލިހުގައި ދައްކާފައިވާ ވާހަކަތަކުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮންނަކަން؛
(ރ) ކުންފުނީގެ އޮނިގަނޑަށް ގެނެވުނު ބަދަލާ ގުޅިގެން އަންޖަލީން ނާޒިއު ރިޑަންޑަންޓުވެ، ކުންފުނީގެ އޮނިގަނޑަށް އެކި ލެވެލްތަކުގެ އިތުރު އެހެން މަޤާމުތަކެއް އުފެދުނުއިރު އެކަން އަންޖަލީން ނާޒިއުއަށް އަންގައި ކުންފުނީގެ އިތުރު އެހެން ވަޒީފާއަކަށް އަންޖަލީން ނާޒިއު ގެނައުމުގެ ނުވަތަ ހުށަހެޅުމުގެ ފުރުސަތު އޮވެމެ، އެކަން އަންގާފައި ނުވާކަމާއި، މިކަންކަމުގެ މައްޗަށް ބަލާއިރު، އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށްފައިވަނީ ހެޔޮ ނިޔަތުގައި، އަދި ވަކި މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރުމުގެ މަޤުސަދުގައި ނޫންކަމާމެދު، އަދި ހަޤީޤަތުގައިވެސް ރިޑަންޑަންސީގެ ހާލަތު މެދުވެރިފައިވާކަމާމެދު ސުވާލު އުފެދޭކަން؛
(ބ) އެހެންކަމުން، އަންޖަލީން ނާޒިއު ކުންފުނީގެ ވަޒީފާއިން ވަކިކުރީ ރިޑަންޑަންސީގެ ހާލަތު މެދުވެރިވެގެންކަމަށް ބެލެވެން ނެތުމުން، އަދި މިއީ އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރުމުގެ ގޮތުން އެޅި ފިޔަވަޅެއްކަން އެނގެން އޮތުމުން، އެ ކުންފުނިން ގާއިމުކުރަންޖެހޭ މައުލޫއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނެތްކަން؛
(ޅ) ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ އޮނިގަނޑަށް ބަދަލު ގެނައި އިރު، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާކަން ކުންފުނީގެ މުވައްޒަފުންނަށް ދުރާލާ އަންގާފައިނުވުމާއި، އަދި ރިޑަންޑަންޓު ކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތާއި އުޞޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ދުރާލާ އަންގާފައިނުވާކަމާއި، އަދި ރިޑަންޑަންޓުވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްސަ އިނާޔަތްތަކެއް ދިނުމަށް ކުންފުނީގެ ފަރާތުން ކަނޑައަޅާފައިވާކަން ނުވަތަ ނުވާކަން، އަދި ކަނޑައަޅާފައިވާނަމަ އެ އިނާޔަތް ލިބިދެވޭނެ ގޮތާއި މިންގަނޑުތައް ކުރިން ކަނޑައެޅި، ކުންފުނީގެ މުވައްޒަފުންނަށް އަންގާފައިނުވާކަން ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ބަހުން އެނގެން އޮންނަކަން.
އެހެންކަމުން، މި ސަބަބުތަކަށްޓަކައި ހައިކޯޓުން އެ މައްސަލަ ނިންމާފައިވަނީ، އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށްފައިވަނީ މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުނުކޮށްކަން އެނގެން އޮންނާތީ، ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގައި އަންޖަލީން ނާޒިއު އަދާކުރަމުން ދިޔަ ފެންވަރުގެ ވަޒީފާއެއްދިނުމަށާއި، އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، 2012 މާރޗް 01 ވަނަ ދުވަހުން ފެށިގެން ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާ ދިނުމާހަމައަށް ލިބެންވާ މުސާރައާ އިނާޔަތް އަންޖަލީން ނާޒިއުއަށް ލިބިދިނުމަށް ޙުކުމްކޮށެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/38 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ ނުވަތަ ޝަރުޢީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ މި ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިސްތިއުނާފުކުރަމުން ހުށަހެޅި މައިގަނޑު 02 (ދޭއް) ނުކުތާއަކީ؛
7.1 އަންޖަލީން ނާޒިއުއަކީ އޭނާ އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، އަންޖަލީން ނާޒިއުއަށް ވަޒީފާ އަލުން އަނބުރާ ދިނުމާއި ހަމައަށް ލިބެންވާ މުސާރައާ އިނާޔަތްތައް ލިބިދިނުމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމަކީ އިންސާފުން ބޭރުން ނިންމާފައިވާ ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
7.2 ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ހާލަތެއް މެދުވެރިގެންކަމަށް ބަޔާންކޮށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ކަންކަމަށް ރިޢާޔަތްކުރުމެއްނެތި ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާ.
މައުލޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން
ވަޒީފާއާ ބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއްނެތި މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކި ކުރުން މަނާކުރެއެވެ. އަދި މުވައްޒަފަކު ވަޒީފާއިން ވަކިކުރާނަމަ އޭނާ ވަޒީފާއިން ވަކި ކުރާ ކުރުމަކީ ޢަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މައްޗަށް ބިނާކުރެވި ކުރެވޭކަމަކަށްވާންޖެހެއެވެ.
އެގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވާންޖެހެއެވެ. މައުލޫއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރީ ޢަދުލުވެރި ނުވަތަ އެކަށީގެންވާ ސަބަބުތަކެއްގެ މައްޗަށް ބިނާކުރެވިގެން ކަމަށްވުމެވެ. އިޖުރާއީ ޢަދުލުވެރިކަމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއާތަކީ ޢަދުލުވެރި އިޖުރާއާތަކަށްވުމެވެ. އެގޮތުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން އިޖުރާއާތު ފުރިހަމަ ކުރެވިފައިވޭތޯ ބަލާއިރު، ވަޒީފާ ދޭ ފަރާތުން މުވައްޒަފުން ރިޑަންޑަންޓުކުރަން އުޅޭކަން މުވައްޒަފުންނަށް ދުރާލާ އެންގުމާއި، ރިޑަންޑަންޓު ކުރެވޭނެ މުވައްޒަފުން ހޮވާނެ މިންގަނޑުތަކާއި، ޢަމަލުކުރާނެ އުޞޫލުތަކާއި އިޖުރާއާތުތައް ފަދަ ކަންކަން މުވައްޒަފުންނަށް އަންގާފައިވުން ހިމެނެއެވެ.
ހުށަހެޅިފައިމިވާ މައްސަލައިގައި އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރެވިފައިނުވާކަމާ މެދު ވަޒީފާދިން ފަރާތް، ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުންވެސް ސުވާލު އުފައްދާފައިނުވެއެވެ. މި މައްސަލައިގައި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ސުވާލު އުފައްދާފައިވަނީ އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށްފައިވަނީ މައުލޫއީ ޢަދުލުވެރިކަން ގާއިމުނުކޮށްކަމަށް ހައިކޯޓުންކޮށްފައިވާ ޙުކުމަށެވެ. އެގޮތުން، އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރަންޖެހުނީ ހަމަ ހަޤީޤަތުގައިވެސް ރިޑަންޑަންސީގެ ހާލަތެއް އޮވެގެންކަމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ. އަދި އެއީ ކުންފުނީގެ ވިޔަފާރިއަށް ނުވަތަ ވިޔަފާރީގެ ޑައިރެކްޝަނަށް އައި ބަދަލެއްގެ ސަބަބުން އައި ޓެކްނިކަލް ރިޑަންޑަންސީއެއްކަމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ސުޕްރީމް ކޯޓުގައި އިތުރަށް ފާހަގަކޮށްފައިވެއެވެ.
ރިޑަންޑަންސީ ކަނޑައެޅުން
މި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނުއިރު، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި ރިޑަންޑަންސީގެ ހާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އޮންނަ އެކަށީގެންވާ ސަބަބެއްކަމަށް ބަޔާންކޮށްފައިނުވެއެވެ. އެހެންނަމަވެސް، ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ދިވެހިރާއްޖޭގެ ހައިކޯޓަށް މީގެ ކުރިން ހުށަހަޅާފައިވާ އެތައް މައްސަލަތަކެއްގައި ރިޑަންޑަންސީގެ ހާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ސަބަބެއްކަމަށް ކަނޑައަޅާފައިވެއެވެ.
ވިޔަފާރީގެ ނަފާ ހޯދުމުގެ ގޮތުން ހިންގާ ކުންފުނިތައް ހަރުދަނާކޮށް، ނަފާ އިތުރުވާނެ ގޮތެއްގެ މަތިން ހިންގުމަށްޓަކައި ކުންފުނީގެ އިދާރީ އޮނިގަނޑަށް ބަދަލެއް ގެނައުމުގެ ތެރެއިން (ކުންފުނި ރީސްޓްރަކްޗަރ ކުރުމުގެ ތެރެއިން) ނުވަތަ ކުންފުނީގެ މާލީ ޙާލަތު ދަށްވުން ފަދަ ކަމެއް މެދުވެރިވެގެން، ނުވަތަ ކުންފުނި އެހެން ފަރާތަކަށް ވިއްކާލާ ހާލަތުގައި ނުވަތަ އެހެން ކުންފުންޏަކާ މާރޖްވާ ހާލަތުގައި ނުވަތަ ކުންފުނި ޓޭކްއޯވަރކުރާ ހާލަތުގައި ނުވަތަ ވިޔަފާރި ނިމުމަކަށް އަންނަ ހާލަތްފަދަ ހާލަތްތަކުގައި ކުންފުނީގެ މަޤާމުތައް އުވާލުމުގެ ނުވަތަ ނެތި ދިޔުމުގެ އިޙްތިމާލު އޮވެދާނެއެވެ.
އެހެންނަމަވެސް، ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައިވާ ފަދައިން، މުވައްޒަފު ރިޑަންޑަންޓުކުރީ ހަމަ ހަޤީޤަތުގައިވެސް ރިޑަންޑަންޓު ކުރަންޖެހޭ ފަދަ ހާލަތެއް އޮވެގެން، ހެޔޮ ނިޔަތުގައިކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. މިފަދަ ޙާލަތްތަކުގައި ވަޒީފާދޭ ފަރާތުން ޢަމަލުކޮށްފައިވަނީ ހަމަ ޙަޤީޤަތުގައިވެސް މުވައްޒަފަކު ރިޑަންޑަންޓު ކުރަންޖެހޭ ހާލަތެއް މެދުވެރިވެގެންތޯ ކަނޑައެޅުމަށްޓަކައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ.
(1) ވަޒީފާއަދާކުރާ ތަނުގައި މުވައްޒަފު ކުރަމުން ދިޔަ ބާވަތުގެ މަސައްކަތްކުރުން އެއްކޮށް ހުއްޓުނީތޯ ނުވަތަ މަދުކުރީތޯ، ނުވަތަ މުސްތަޤުބަލުގައި ހުއްޓޭނެތޯ ނުވަތަ މަދުވާނެތޯ(2) މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ (1) ގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް އޮވެގެންތޯ
(3) ދެފަރާތު ދެމެދު ވެފައިވާ އެއްބަސްވުން
ވަޒީފާއަދާ ކުރާ ތަނުގެ އޮނިގަނޑަށް އައި ބަދަލަކާ ގުޅިގެންވިޔަސް، އިޤްތިޞާދީ ޙާލަތެއް މެދުވެރިވެގެން ވިޔަސް ނުވަތަ މިނޫންވެސް އެހެން ސަބަބަކާ ހުރެ މުވައްޒަފަކު ވަޒީފާއިން ރިޑަންޑަންޓު ކޮށްފައިވާނަމަ، އެފަދަ ޙާލަތެއް ހަމަ ޙަޤީޤަތުގައިވެސްވޭތޯ ކަނޑައެޅުމަށްޓަކައި، މުވައްޒަފު ކުރަމުން ދިޔަ ބާވަތުގެ މަސައްކަތް ކުރުން ވަޒީފާ އަދާކުރާ ތަނުގައި އެއްކޮށް ހުއްޓުނީތޯ ނުވަތަ މަދުކުރީތޯ ނުވަތަ މުސްތަޤުބަލުގައި ހުއްޓޭނެތޯ ނުވަތަ މަދުވާނެތޯ ބަލަންވާނެއެވެ. އެގޮތުން، ރިޑަންޑަންޓުކުރި މުވައްޒަފު ކުރާ ބާވަތުގެ މަސައްކަތް ތަނުގެ އެހެން މުވައްޒަފުން ކުރޭތޯ ބަލަންވާނެއެވެ. އަދި މިގޮތަށް އެއްކަހަލަ މަސައްކަތް ކުރާ އެހެން މުވައްޒަފުން ތިބި ނަމަ، ރިޑަންޑަންޓު ކުރި މުވައްޒަފު ރިޑަންޑަންސީއަށް ހޮވުނު ގޮތަށް ރިޢާޔަތް ކުރަންވާނެއެވެ. އެގޮތުން، އެއްކަހަލަ މަސައްކަތެއް ކުރާ ދެންތިބި މުވައްޒަފުންނާ އަޅާ ބަލާއިރު ތަޢުލީމާއި ތަޖުރިބާ އަދި ވަޒީފާ އަދާ ކުރާ ތަނުގައި ޚިދުމަތްކުރި މުއްދަތު ފަދަ ކަންކަމަށް ރިޢާޔަތް ކުރެވިދާނެއެވެ.
މުވައްޒަފު ވަޒީފާއިން ވަކިކުރާ ވަކިކުރުމާ ރިޑަންޑަންސީގެ ހާލަތާއި ގުޅުމެއް އޮތްކަން ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭން ޖެހޭނެއެވެ. އަދި ދެފަރާތު ދެމެދު އޮތް ވަޒީފާގެ އެއްބަސްވުމުގައި ކަމާ ގުޅޭ މާއްދާތަކެއް ހުރިނަމަ، އެކަންކަމަށް ރިޢާޔަތް ކުރަންވާނެއެވެ. މިސާލަކަށް، ދެފަރާތު ދެމެދު އޮތް އެއްބަސްވުމުގައި މުވައްޒަފުގެ މަޤާމު ރިޑަންޑަންޓު ކުރެވޭ ހާލަތުގައި، އެ މަޤާމާ އެއް ފެންވަރެއްގެ އެހެން މަޤާމެއް ވަޒީފާދޭ ފަރާތުން ހަމަޖައްސައިދޭންވާނެކަމަށް ވަޒީފާއާބެހޭ އެއްބަސްވުން ލާޒިމުކުރާ ހާލަތެއްގައި، އެފަދަ މަޤާމެއް ޤަބޫލުނުކުރުމަށް މުވައްޒަފު ނިންމައިފިނަމަ، ދެ ފަރާތު ދެމެދު އޮތް އެއްބަސްވުމުގެ ސަބަބުން، ރިޑަންޑަންސީގެ މަފްހޫމް އެފަދަ ހާލަތަކަށް ތަޠުބީޤު (apply) ނުވެ ގޮސްދާނެއެވެ.
މި މައްސަލައިގައި ރިޑަންޑަންސީގެ ހާލަތެއް އޮތްތޯ
އަންޖަލީން ނާޒިއު ކުރަމުން ދިޔަ ބާވަތުގެ މަސައްކަތް ކުރުން ވަޒީފާއަދާކުރާ ތަނުގައި އެއްކޮށް ހުއްޓުނީތޯ ނުވަތަ މަދުކުރީތޯ، ނުވަތަ މުސްތަޤުބަލުގައި ހުއްޓޭނެތޯ ނުވަތަ މަދުވާނެތޯ ބަލާއިރު، އަންޖަލީން ނާޒިއު ރިޑަންޑަންޓުކުރީ ކުންފުނީގެ ވިޔަފާރިއަށް ނުވަތަ ވިޔަފާރީގެ ޑައިރެކްޝަނަށް އައި ބަދަލެއްގެ ސަބަބުންކަމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ. ސުޕްރީމް ކޯޓުގައި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އިތުރަށް ފާހަގަކުރި ކަންކަމުގައި، އަންޖަލީން ނާޒިއު އަދާކުރަމުން ދިޔަ ވަޒީފާއަށް ގެނެވުނު ބަދަލާ ގުޅިގެން، އެ ވަޒީފާގައި ހުންނަ މީހެއްގެ ހުންނަންޖެހޭ ޝަރުޠުތައް އިތުރުވެފައިވާކަމަށް ބުނެފައިވެއެވެ. އަދި އަންޖަލީން ނާޒިއުގެ މި ޝަރުޠުތައް ނެތް ހާލަތުގައި ކުންފުނީގައި ވަޒީފާއެއް އަދާކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ފެންވަރާ ތަޖުރިބާ ނެތުމުން އެ މީހަކަށް އެ މަޤާމެއް އަދައެއް ނުކުރެވޭނެކަމަށް ބުނެފައިވެއެވެ.
ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދައްކާފައިވާ މި ވާހަކަތައް ހައިކޯޓުގައިވެސް ދައްކާފައިވެއެވެ. އެހެންނަމަވެސް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ދެއްކި ވާހަކަތަކާ ތަފާތުކަން ފާހަގަކުރެވެއެވެ. އެގޮތުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އަންޖަލީން ނާޒިއުގެ ފަރާތުން ތުހުމަތުކުރީ އޭނާ އަދާކުރަމުން ދިޔަ ވަޒީފާއަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ އެހެން މުވައްޒަފަކު ހަމަޖެއްސިކަމަށެވެ. އެހެންނަމަވެސް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެ ބުނާ މުވައްޒަފެއްގެ ޒިންމާތަކާއި އަންޖަލީން ނާޒިއުގެ ޒިންމާތަކާއި ތަފާތުކަމަށް ބުނެފައިވެއެވެ. އަންޖަލީން ނާޒިއު ހުރި ސޭލްސް މެނޭޖަރ ކިޔާ މަޤާމަކީ ކުރީގެ ކުންފުނީގެ ހިންގުމުގެ ދާއިރާގެ އެންމެ އިސް މަޤާމެއް ކަމުގައިވިޔަސް، ކުންފުނީގެ އޮނިގަނޑަށް ބަދަލު އައިފަހުން އެއީ ކުންފުނީގެ ހިންގުމުގެ ދާއިރާގެ އިސް މަޤާމެއް ނޫންކަމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ. އަންޖަލީން ނާޒިއު ސޭލްސް މެނޭޖަރަކަށް ހުރިއިރު ރިޕޯޓު ކުރަންޖެހެނީ ސީދާ ބޯޑް އޮފް ޑައިރެކްޓަރސްގެ މެންބަރަކަށް ކަމަށާއި، އަންޖަލީން ނާޒިއުގެ ފަހުން އޭނާގެ މަސްއޫލިއްޔަތުތައް އަދާކުރި މުވައްޒަފު ރިޕޯޓުކުރަންޖެހެނީ އެސިސްޓަންޓް ޑައިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގއަށް ކަމަށާއި، އެސިސްޓަންޓް ޑައިރެކްޓަރ އޮފް ސޭލްސް އެންޑް މާކެޓިންގ ރިޕޯޓު ކުރަނީ ވައިސް ޕްރެސިޑެންޓް އޮފް ސޭލްސް އެންޑް މާކެޓިންގއަށް ކަމަށާއި، އަދި ވައިސް ޕްރެސިޑެންޓް އޮފް ސޭލްސް އެންޑް މާކެޓިންގ ރިޕޯޓުކުރަނީ ކުންފުނީގެ ސީއީއޯއަށް ކަމަށެވެ. އަދި އަންޖަލީން ނާޒިއުއަށް ލިބެމުން ދިޔަ މުސާރައަށް ވުރެ ކުޑަ މުސާރައެއް، ފަހުން އައި މުވައްޒަފަށް ލިބެމުން ދިޔަކަމަށްވެސް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ފާހަގަކޮށްފައިވެއެވެ. އެހެންކަމުން މި ރިޕޯޓިންގ ސްޓްރަކްޗަރއަށް ބަލާއިރު މިހާރުގެ ސޭލްސް މެނޭޖަރ ކިޔާ މަޤާމުގައި ހުންނަ މީހާގެ ހައިރާކީއާ، އަންޖަލީން ނާޒިއު ހުރި އިރު އޮތް ހައިރާކީއާ ތަފާތުކަމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއަށް 17 ޖެނުއަރީ 2013 ގައި ދީފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ކުންފުނީގެ އިދާރީ އޮނިގަނޑަށް އައި ބަދަލުގެ ވާހަކަ ދެއްކިއިރު، އަންޖަލީން ނާޒިއު ކުރިން އަދާކުރަމުން ދިޔަ މަޤާމަށް އޭނާގެ ކިބައިގައި ފެންވަރާއި ތަޖުރިބާ ނެތުމުގެ ސަބަބުން އޭނާ ރިޑަންޑަންޓު ކުރަންޖެހުނު ކަމުގެ އެއްވެސް ވާހަކައެއް ދައްކާފައިނުވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން، އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރަންޖެހުނީ އޭނާގެ ކިބައިގައި ފެންވަރާއި ތަޖުރިބާ ނެތުމުންކަމަށް ބުނާ ބުނުމަކީ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ހަމައެކަނި އިސްތިއުނާފީ މަރުހަލާތަކުގައި ދައްކާފައިވާ ވާހަކަތަކެކެވެ.
އަދި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގައި ދައްކާފައިވާ ވާހަކަތަކަށް ރިޢާޔަތްކުރާއިރު، ކުންފުނީގެ ނަފާ އިތުރުކޮށް ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން، ކުންފުނީގެ ސޭލްސް މެނޭޖަރގެ މަޤާމު އުވާލެވުނު ކަމަށް ބުނާއިރު، ކުރިން ހަމަޖެހިފައިވާ އުޞޫލުން އަންޖަލީން ނާޒިއު ރިޕޯޓު ކުރަމުން ދިޔައީ ސީދާ ބޯޑް އޮފް ޑައިރެކްޓަރސް ގެ މެންބަރަކަށް ކަމަށާއި، އެހެންނަމަވެސް، މިހާރު ސޭލްސް މެނޭޖަރ ރިޕޯޓު ކުރުމުގެ ހައިރާކީ ތަފާތުކަމަށާއި، ބޯޑާ ހަމައަށް ކަމެއް ރިޕޯޓު ކުރެވެނީ އެ ދޭތެރޭގައި އިތުރު ދެ މުވައްޒަފަކު މެދުވެރިކޮށް ކަމަށް ވުމުން، ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން އެ ކުންފުނި ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެ ކުންފުނީގެ އޮނިގަނޑަށް ބަދަލެއް އައި ކަމުގައި ބުނާއިރު، އެ ގެނައި ބަދަލާއި، އެންމެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަންޖެހުމާ އޮތް ގުޅުމެއް ދެއްކިފައިނުވެއެވެ. އެހެނީ، އަންޖަލީން ނާޒިއު އަދާކުރަމުން ދިޔަ ސޭލްސް މެނޭޖަރުގެ މަސްއޫލިއްޔަތުތައް އުވާލެވުނީއެއް ނޫނެވެ. އެ މަސްއޫލިއްޔަތުތައް ދެމިއޮތްއިރު، އެ މަސްއޫލިއްޔަތުތައް އަދާކުރުމުގައި ޝާމިލުވާ މުވައްޒަފުންގެ އަދަދުވެސް އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. އަދި މައްސަލައިގެ ދެފަރާތުންވެސް ދައްކާފައިވާ ވާހަކަތަކުގެ އަލީގައި، އަންޖަލީން ނާޒިއު ކުރިން އަދާ ކުރަމުން ދިޔަ މަސައްކަތް އޭނާއަށް ވުރެ ޖޫނިއަރ މުވައްޒަފަކާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔައީ ކަމުގައި ބެލެވެއެވެ.
އަންޖަލީން ނާޒިއުގެ އިތުރުން އެހެން މުވައްޒަފުންވެސް ރިޑަންޑަންޓު ކުރެވުނުކަމަށް ހައިކޯޓުގައި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ބުނިނަމަވެސް، އެކަން ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ކޯޓަށް ހުށަހަޅާފައިނުވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އަންޖަލީން ނާޒިއުގެ ފަރާތުން ހުށަހަޅާފައިވާ ބައެއް ލިޔެކިއުންތަކަށް ބެލިއިރު، 2011 ގެ މެދުތެރޭގައި އަންޖަލީން ނާޒިއު 90 (ނުވަދިހަ) ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޗުއްޓީއެއް ނެގިކަން އެނގެއެވެ. އެއީ ވިހެއުމާ ގުޅިގެން ނަގާ ޗުއްޓީއާއި، އަހަރީ ޗުއްޓީއާއި، މި ނޫންވެސް ނެގެން ހުރި އިތުރު ދުވަސްތައް ހިމަނައިގެންނެވެ. މައްސަލައިގައި ދެފަރާތުން ޓްރައިބިއުނަލްގައި ދެއްކި ވާހަކަތަކުން، މި ޗުއްޓީގައި އަންޖަލީން ނާޒިއު ހުރީ އިނގިރޭސި ވިލާތުގައިކަމާއި އަދި ޗުއްޓީގައި ހުރެގެންވެސް މަސައްކަތް ކުރަމުން ދިޔަކަމަށް ދޭހަވެއެވެ. 2012 ގެ ފެބްރުއަރީ މަހުގެ ކުރީކޮޅުގައި އަންޖަލީން ނާޒިއު ރާއްޖެ އެނބުރި އައިސް އޭނާ ރިޕޯޓު ކުރަމުން ދިޔަ ކޮކޯ ކޮލެކްޝަންސް ރިޒޯޓުގެ ސީ.އީ.އޯ އަށް ފޮނުވާފައިވާ އީމެއިލްގެ މުޢާމަލާތްތަކުން، ސޭލްސް އެންޑް މާކެޓިންގއާ ބެހޭ ބައްދަލުވުންތަކުން އަންޖަލީން ނާޒިއު އެކަހެރިކޮށްފައިވާކަމުގެ ޝަކުވާއާއި އޭގެ ކުރިން އަންޖަލީން ނާޒިއުއަށް ލިބެންޖެހޭކަމަށް ބުނާ ބޯނަސް ލިބިފައިނުވުމުގެ ޝަކުވާކޮށްފައިވާކަން ފާހަގަކުރެވެއެވެ. މިއީ އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރިކަން އޭނާއަށް އެންގި ތާރީޚުކަމުގައިވާ 28 ފެބްރުއަރީ 2012 ގެ ކުޑަ ދުވަސްކޮޅެއް ކުރިން ކޮށްފައިވާ މުޢާމަލާތްތަކެވެ. ރިޑަންޑަންޓު ކުރުމުގެ ވިސްނުމެއް ގެންގުޅޭ ކަމުގެ އެއްވެސް އިޝާރާތެއް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ކޮށްފައިނުވާކަން މައްސަލައިގެ ދެފަރާތުގެ ބަހުންވެސް އެނގެއެވެ. މީގެ އިތުރުން، ވަޒީފާއާބެހޭ ޤާނޫނުން ލާޒިމުކުރިނަމަވެސް، ދެފަރާތު ދެމެދު ވަޒީފާގެ އެއްބަސްވުމެއް ނެތެވެ. އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގައި ވަޒީފާ އަދާ ކުރާތާ 10 އަހަރަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށެވެ.
އެހެންކަމުން، މި މައްސަލައިގައި ރިޑަންޑަންސީގެ ހާލަތެއް މެދުވެރިވެފައިވާކަން ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑަށް ދެއްކިފައިނުވެއެވެ. އަދި އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2017/HC-A/38 ގަޒިއްޔާގައި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން އަންޖަލީން ނާޒިއު ވަކިކުރުމުގައި އެ ކުންފުނިން ޢަމަލުކޮށްފައިވަނީ ހެޔޮ ނިޔަތުގައި، އަދި ވަކި މުވައްޒަފަކު ކަނޑައެޅިގެން ބޭއިންސާފުން ވަޒީފާއިން ވަކިކުރުމުގެ މަޤުޞަދުގައި ނޫންކަމާމެދުގައި، އަދި މިއީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ރިޑަންޑަންސީގެ ހާލަތެއް އޮވެގެން ކުރިކަމެއްކަމާމެދު ސުވާލު އުފެދޭކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް އަހުރެން ތާއީދުކުރަމެވެ.
ވަޒީފާ އަލުން އަނބުރާ ދިނުމާއި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުން
މި މައްސަލައިގެ ހައިކޯޓު ގަޒިއްޔާގައި، އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައިނުވާތީ، އަންޖަލީން ނާޒިއު އަދާކުރަމުން ދިޔަ ފެންވަރުގެ ވަޒީފާއެއް އޭނާއަށް ހަމަޖައްސައިދިނުމަށާއި، އޭނާއަކީ އެއްވެސް ހާލެއްގައި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށް ހައިކޯޓުން އަމުރުކޮށްފައިވެއެވެ. އަދި އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރި ތާރީޚުކަމުގައިވާ 1 މާރޗް 2012 އިން ފެށިގެން އޭނާއަށް ލިބެންވާ މުސާރައާއި އިނާޔަތްތައް ހައިކޯޓުގައި މި މައްސަލައިގައި ޙުކުމްކުރި ތާރީޚުކަމުގައިވާ 12 ޖޫން 2017 އިން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އަންޖަލީން ނާޒިއުއަށް ލިބިދިނުމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ހައިކޯޓުން އަމުރުކޮށްފައިވެއެވެ.
މި ނިންމުން ޢަދުލުވެރި ނޫންކަމަށް ބުނެ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސުޕްރީމް ކޯޓުގައި ހުށަހެޅި ނުކުތާގައި ބުނެފައިވަނީ އަންޖަލީން ނާޒިއު ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން ވަކިކުރުމާއެކު، އޭނާވަނީ ޓްރެވެލް އޭޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރަން ފަށާފައިކަމަށެވެ. އެހެންކަމުން، އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ހައިކޯޓުން ޙުކުމްކުރި ތާރީޚާ ހަމައަށް އޭނާއަށް އާމްދަނީ ނުލިބޭކަމަށް ބެލުމަކީ އިންސާފުވެރިގޮތެއް ނޫންކަމަށެވެ.
މި މައްސަލައިގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގައި ކަނޑައެޅީ އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަން ގާއިމުވެފައިވާކަމަށާއި، އެހެންނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ގާއިމުނުވާކަމަށެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަންޖަލީން ނާޒިއުއަށް ނަގައިދިނީ މާލީ ބަދަލުގެ ގޮތުގައި 3,500/- (ތިންހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރު އާއި، 2012 ގެ ފެބްރުއަރީ މަހުގެ މުސާރައިން އުނިކޮށްފައިވާ 3,500/- (ތިންހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރު އާއި، 2000/-ރ. (ދެ ހާސް ރުފިޔާ) އާއި، އަންޖަލީން ނާޒިއު ވަޒީފާއިން ދޫކޮށްލާފައިވަނީ ރިޑަންޑަންސީ ހާލަތުގައިކަމަށް ވެފައި، ރިޑަންޑަންޓު ކުރެވޭނެކަން އޭނާއަށް ކުރިން އަންގާފައިނުވުމުން، ނޯޓިސްގެ މުއްދަތަށް ލިބެންޖެހޭ އެލަވަންސްކަމަށް އަންޖަލީން ނާޒިއު ބުނާ 10,400/-ރ. (ދިހަ ހާސް ހަތަރު ސަތޭކަ ރުފިޔާ) އާއެކު ޖުމްލަ 7000/- (ހަތްހާސް) އެމެރިކާ ޑޮލަރާއި 12,400/-ރ. (ބާރަހާސް ހަތަރުސަތޭކަ ރުފިޔާ) އެވެ.
އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި، އަންޖަލީން ނާޒިއުގެ ފަރާތުން އިސްތިއުނާފުކުރީ އޭނާ ވަޒީފާއިން ވަކިކުރީ ރިޑަންޑަންސީގެ ހާލަތެއް އޮތްކަމަށް ޓްރައިބިއުނަލުން ކަނޑައެޅި ނުކުތާއެވެ. އެހެން ގޮތަކަށް ބުނާނަމަ، މި މައްސަލައިގައި މައުލޫއީ ޢަދުލުވެރިކަންވެސް ގާއިމުނުވާކަމަށް ކަނޑައަޅައިދިނުމަށް އަންޖަލީން ނާޒިއު ހައިކޯޓުގައި އެދުނެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލުކޮށްދިނުމަށް އެދުނެވެ. އަދި އަންޖަލީން ނާޒިއު ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވުމުން، ބަދަލުގެ ގޮތުގައި އެ މައްސަލަ ނިމޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާއި އަދި އެހެންވެސް އިނާޔަތެއްވާނަމަ އެ އިނާޔަތްތައް ނަގައިދިނުމަށް އަންޖަލީން ނާޒިއުގެ ފަރާތުން އެދިފައިވެއެވެ. އެހެންކަމުން އަންޖަލީން ނާޒިއުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ނުކުތާތައް ހުށަހެޅި ބަޔާނުގައި އަންޖަލީން ނާޒިއުގެ ވަޒީފާ އަނބުރާ ރުޖޫޢަކޮށްދިނުމަށް އެދިފައިވާކަން އެނގެން ނެތެވެ.
އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ނަންބަރު 2017/HC-A/38 ގަޒިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކޮށްފައިވާއިރު، ހައިކޯޓުން އަންޖަލީން ނާޒިއުއަށް ދީފައިވާ ޙައްލަކީ އަންޖަލީން ނާޒިއުގެ ފަރާތުން އެދިފައިވާ ހައްލެއްކަން އެނގެން ނެތެވެ. އަދި އަންޖަލީން ނާޒިއު އޭނާ ކުރިން އަދާކުރަމުން ދިޔަ ވަޒީފާ އަލުން އަނބުރާ ހޯދުމަށް އެދުނުކަމުގައިވީނަމަވެސް، އެގޮތަށް އަމުރު ކުރުމުގައިވެސް، ޓްރައިބިއުނަލުންނާއި ކޯޓުން ރިޢާޔަތް ކުރަންޖެހޭ ކަންތައްތަކެއްވެއެވެ.
އެގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައިވާނަމަ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އެފަދަ މުވައްޒަފަކަށް ލިބިދެވިދާނެ ޙައްލުތައް ބަޔާންކޮށްފައިވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފަކު އަލުން އެ ވަޒީފާގައި ނުވަތަ އެނޫންވެސް އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުމުގެ ބާރު ލިބިދެވެއެވެ.
އެހެންނަމަވެސް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގައި ފާހަގަކޮށްފައިވާ ފަދައިން، ވަޒީފާއަށް މުވައްޒަފަކު ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޤާނޫނުގައި އޮންނަ އޮތުމަކީ އެއްވެސް އިސްތިސްނާއެއް ނެތި އެކަމެއްގެ މައްޗަށް ޢަމަލުކުރުން ލާޒިމުކަމެއް ނޫނެވެ. އެގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ހާލަތްތަކުގެ ތެރެއިން އަންނަނިވި ހާލަތްތައް އެ ގަޒިއްޔާގައި ފާހަގަކޮށްފައިވެއެވެ؛
(1) އަނބުރާ އިއާދަނުކުރެވޭނެ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން،
(2) ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާ ދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގުމުއްދަތެއް ފާއިތުވެފައިވުން،
(3) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން،
(4) ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ގަޒިއްޔާގައި ފާޅުކަން ބޮޑު ގޮތެއްގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ގާއިމުކުރެވިފައިނުވާކަން ސާބިތުވާ ހިނދު، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި އަންނަނިވި ކަންތައްތަކަށް ރިޢާޔަތް ކުރެވިދާނެކަމަށް ބަޔާންކޮށްފައިވެއެވެ.
(ހ) މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް
(ށ) ވަޒީފާގައި ހޭދަކުރި މުއްދަތު
(ނ) މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތް
(ރ) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް
(ބ) ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތޯ
(ޅ) ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންތޯ
(ކ) ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ، އަދި މީގެ ތެރޭގައި އެހެން ވަޒީފާއެއް ހޯދަން އުޅުމާއި އެހެން މަސައްކަތެއް ކޮށްގެން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރިތޯ ބެލުން
(އ) ވަޒީފާ ރުޖޫޢަކުރާ ޙާލަތްތަކުގައި މުވައްޒަފަށް އެ ޙައްލު ލިބިދިނުމުގެ އިތުރުން، ބަދަލު ދިނުމުގެ ސަބަބުން ނުޙައްގު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯ
(ވ) ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރާނީތޯ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ ޤާނޫނުން ލިބިގެންވާ ޙައްޤެއް ބޭނުންކުރީތީވެކަން ސާބިތުވާ ހިނދު، އިތުރު ބަދަލެއް ވަޒީފާދޭ ފަރާތުން ނަގައިދޭންޖެހޭތޯ
މީގެ އިތުރުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޙުސައިން ނަޒީފު ވ. ސިވިލް ސަރވިސް ކޮމިޝަން ގަޒިއްޔާގައި ވަޒީފާ އަދާ ކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އޭނާގެ އަބުރަށް ގެއްލުން ލިބުމާއެކު، އޭގެ ސަބަބުން ވަޒީފާ އަދާ ކުރާ ފަރާތަށް އެހެން ވަޒީފާއެއް ލިބުމަށް ނުވަތަ ވަކި ފަންނެއްގެ މަސައްކަތެއް ކުރުމަށް ހުރަސް އެޅިފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލަންވާނެކަމަށް ބަޔާންކޮށްފައިއޮވެއެވެ.
ސުޕްރީމް ކޯޓުގެ ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ގަޒިއްޔާއާއި ޙުސައިން ނަޒީފު ވ. ސިވިލް ސަރވިސް ކޮމިޝަން ގަޒިއްޔާގައި ހިމެނޭ މައްސަލަތައް ދާދި އެއްގޮތްކަން ފާހަގަކުރަމެވެ. ދެ މައްސަލައިގައިވެސް މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށްކަމަށް ވަޒީފާ ދިން ފަރާތުން އެއްބަސްވެއެވެ. އަދި އެ މުވައްޒަފުންނަށް ވަޒީފާ އަލުން އަނބުރާ ދިނުމަށް ވަޒީފާދިން ފަރާތުން ދެކޮޅު ނުހަދައެވެ. މި ދެ މައްސަލައިގައިވެސް މުވައްޒަފަށް އަނބުރާ ވަޒީފާ ދިނުމަށް ސުޕްރީމް ކޯޓުން ޙުކުމްކުރިއިރު، އެ މުވައްޒަފުންނަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ޓްރައިބިއުނަލް ނުވަތަ ކޯޓަށް އެ މައްސަލަ ހުށަހެޅުމުގެ ފުރުޞަތު އޮތްކަމަށް ކަނޑައަޅާފައިވެއެވެ.
މި މައްސަލައިގެ ޙައްލު
އަންޖަލީން ނާޒިއު ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ސޭލްސް މެނޭޖަރ ކަމުގެ މަޤާމުން ވަކިކުރީ ރިޑަންޑަންސީގެ ހާލަތެއް މެދުވެރިވެގެންކަން ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑަށް ސާބިތުކޮށްދެވިފައިނުވެއެވެ. އެހެންކަމުން، މި މައްސަލައިގައި މައުލޫއީ ޢަދުލުވެރިކަންވެސް އަދި އިޖުރާއީ ޢަދުލުވެރިކަންވެސް ގާއިމުވެފައިނުވެއެވެ.
މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅީ މައުލޫއީ ޢަދުލުވެރިކަން ސާބިތުވާކަމަށެވެ. އެހެންނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ސާބިތުނުވާކަމަށެވެ. އެހެންކަމުން، އިޖުރާއީ ޢަދުލުވެރިކަމަށް ބަދަލު ނަގައިދީފައިވެއެވެ. އަދި އެހާތަނަށް އަންޖަލީން ނާޒިއުއަށް ނުލިބޭކަމަށް ބުނާ މުސާރައާއި އިނާޔަތްވެސް ނަގައިދީފައިވެއެވެ. މި ޢަދަދު ހިސާބުކޮށްފައިވަނީ އަންޖަލީން ނާޒިއުގެ ފަރާތުން ހުށަހެޅި މައުލޫމާތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްގެންނެވެ.
މި މައްސަލަ ހައިކޯޓުގައި އަންޖަލީން ނާޒިއު އިސްތިއުނާފު ކުރީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަމަށް ކަނޑައެޅުމުންނެވެ. އެހެން ގޮތަކަށް ބުނާނަމަ، މައުލޫއީ ޢަދުލުވެރިކަން ގާއިމުވެފައިވާކަމަށް ކަނޑައެޅުމުންނެވެ. އަދި ހައިކޯޓުން މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުނުވާކަމަށް ކަނޑައަޅައި، އަންޖަލީން ނާޒިއުއަށް ދިން ޙައްލަކީ އަންޖަލީން ނާޒިއު ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގައި އަދާކުރަމުން ދިޔަ ފެންވަރުގެ ވަޒީފާއެއް އޭނާއަށް ހަމަޖައްސައިދިނުމާއެކު، އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރި ތާރީޚު ކަމުގައިވާ 1 މާރޗް 2012 އިން ފެށިގެން އޭނާއަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ވަޒީފާ ދިނުމާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް ލިބިދިނުމެވެ.
އެހެންކަމުން ހައިކޯޓުން އަންޖަލީން ނާޒިއުއަށް ހައްލުދިންއިރު، އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށްފައިވާތާ 5 (ފަހެއް) އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވެއެވެ. އަދި މި މުއްދަތަށް ދޭންޖެހޭ މުސާރައާއި އިނާޔަތްތައް އަންޖަލީން ނާޒިއުއަށް ދިނުމަކީ އެންމެ އިންސާފުވެރިގޮތް ނޫންކަމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ސުޕްރީމް ކޯޓުގައި ބުނެފައިވެއެވެ.
މި މައްސަލައިގައި އެންމެ ޢަދުލުވެރި ޙައްލަކީ އަންޖަލީން ނާޒިއުއަށް ކުރިންހުރި ވަޒީފާ ނުވަތަ އެއާ އެއް ފެންވަރެއްގެ ވަޒީފާއެއް އަލުން އަނބުރާ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ދިނުންތޯ ބަލާއިރު، ހައިކޯޓުން ވަޒީފާ އަނބުރާ ރުޖޫއަކުރަން އަމުރުކޮށްފައިވަނީ އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރިތާ 5 (ފަހެއް) އަހަރު ވޭތުވިފަހުންކަމުގައިވާއިރު، އަދި މި މުއްދަތުގެ ތެރޭގައި ދެފަރާތު ދެމެދު އުފެދިފައިވާ ޚުސޫމާތާ ގުޅިގެން މި މައްސަލަ ޝަރުޢީ މަރުޙަލާގައި އޮތްކަން ފާހަގަކުރެވޭއިރު، ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑަކީ އަމިއްލަ ކުންފުންޏެއްކަމަށް ވެފައި، އެ ކުންފުނީގައި އަންޖަލީން ނާޒިއު ސޭލްސް މެނޭޖަރެއްގެ ހައިސިއްޔަތުން ކުރި މަސައްކަތަކީ ކުންފުނީގެ އެންމެ އިސް ފަޑީގެ މުވައްޒަފުންނާ މުޢާމަލާތް ކުރަންޖެހޭ ފަދަ މަޤާމެއްކަން މި މައްސަލައާ ގުޅިގެން ވަޒީފާއާ ބެހޭ ޓްރައިބިއުނަލާއި ހައިކޯޓުގައި ދެފަރާތުންވެސް ދައްކާފައިވާ ވާހަކަތަކާއި ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގެއެވެ. މީގެ އިތުރުން، އަންޖަލީން ނާޒިއު ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން އަންޖަލީން ނާޒިއު ރިޑަންޑަންޓްކަމަށް ކަނޑައެޅިއިރު، އަންޖަލީން ނާޒިއު އާއި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑާ ދެމެދު އަންޖަލީން ނާޒިއުއަށް ލިބެންޖެހޭ ބައެއް އިނާޔަތްތަކާ މެދު ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުންތަކެއްވެސް ހުއްޓެވެ. އަދި އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރިކަން އެންގުމުގެ މާ ކުރިން އޭނާއާ ގުޅޭ މަސައްކަތާ އޭނާ ނުބައްސާކަމުގެ ޝަކުވާވެސް ކުންފުނީގެ އެންމެ އިސްފަރާތްތަކަށް އޭނާ ކޮށްފައިވާކަން އެނގެއެވެ.
އެހެންކަމުން، މި މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ރިޢާޔަތް ކުރާއިރު، އަންޖަލީން ނާޒިއު ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގައި ކުރިން ހުރި ވަޒީފާއަށް ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާއެއްގައި ބެހެއްޓުމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކުރުމަކުން މައްސަލައިގެ ދެފަރާތަށްވެސް އެންމެ އެކަށީގެންވާ ނަތީޖާއެއް ނުނިކުމެދާނެއެވެ. އެއަށްވުރެ ދެފަރާތު ދެމެދު އޮތް ގުޅުން ހީނަރުވެފައިވާކަމަށް ޤަބޫލުކުރެވެއެވެ. މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައިވެސް އަދި ހައިކޯޓުގައިވެސް، އަންޖަލީން ނާޒިއުއަށް ލިބެންޖެހޭ ގެއްލުމުގެ ބަދަލާ ގުޅޭ ގޮތުން ވާހަކަ ދައްކާފައިވެއެވެ.
އެހެންކަމުން، އިސްވެ ބުނެވުނު ހުރިހާ ކަމަކަށް ރިޢާޔަތް ކުރުމާއެކު، މި މައްސަލައިގެ އެންމެ އެކަށީގެންވާ ހައްލަކީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އަންޖަލީން ނާޒިއުގެ މުސާރައިން ގެއްލުނުކަމަށް ހިސާބުކޮށްފައިވާ އަދަދުގެ އިތުރުން، އިޖުރާއީ ޢަދުލުވެރިކަމާއި މައުލޫއީ ޢަދުލުވެރިކަން ގާއިމުކޮށްފައިނުވާތީ، އެކަމަށް ބަދަލު ނަގައިދިނުން ކަމަށް ދެކެމެވެ.
ދެން އުފެދޭ ސުވާލަކީ މި މައްސަލައިގައި ބަދަލު ނަގައިދޭނީ ސުޕްރީމް ކޯޓުންތޯ ނުވަތަ ދަށު ކޯޓުން/ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންތޯއެވެ. ވަޒީފާއާބެހޭ މައްސަލަތަކުގެ ތަބީޢަތަކީ ޝަރުޢީ މަރުހަލާގައި ގިނަ ދުވަސް ފާއިތުވުމުގެ ސަބަބުން ވަޒީފާއިން ވަކިކުރި މުވައްޒަފުގެ ހާލަތަށް ބަދަލު އައުމެވެ. އެހެން ގޮތަކަށް ބުނާނަމަ، ޝަރުޢީ މަރުޙަލާގައި މައްސަލަ ތާށިވެ، އެތައް އަހަރު ދުވަހެއް ހޭދަވާއިރު، ވަޒީފާއިން ވަކިކުރި މުވައްޒަފެއްވެސް އެ މައްސަލަ ނިމެންދެން އާމްދަނީ ހޯދުމުގެ ގޮތުން އެހެން މަސައްކަތެއްނުކޮށް ހުރުން، ނުވަތަ ދިރިއުޅުމުގެ އެހެނިހެން ކަންކަމަށް އެއްވެސް ބަދަލެއް ނުގެނެސް ހުރުން ވާނީ ވަރަށް ނާދިރުކަމަކަށެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލުންވެސް މައްސަލަ ނިމިގެން ހައިކޯޓު މަރުހަލާގައި އެ މައްސަލަ ނިމުމަކާ ހަމައަށް ދާއިރު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މައްސަލަ އަލަށް ހުށަހެޅި އިރު އޮތް ހާލަތާއި ހައިކޯޓުން މައްސަލަ ނިމޭއިރު އޮންނަ ހާލަތާ ތަފާތުވުން އެކަށީގެންވެއެވެ.
ކޮންމެ މައްސަލައެއްގައިވެސް ރިޢާޔަތް ކުރަންވާނީ އެ މައްސަލައެއްގެ ވަށައިގެންވާ ކަންތައްތަކަށެވެ. މި މައްސަލައިގެ މުޅި މައުލޫއު ވަޒީފާއާބެހޭ ޓްރައިބިއުނަލްގައިވެސް އަދި ހައިކޯޓުގައިވެސް ބިނާވެފައިވަނީ، އަންޖަލީން ނާޒިއު ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ މައްޗަށެވެ. އަންޖަލީން ނާޒިއު ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރި މައްސަލަ އެންމެ ފުރަތަމަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅީ 29 މެއި 2012 ގައި ކަމުގައިވާއިރު، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ނިންމަން 2 (ދޭއް) އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް ހޭދަވިއެވެ. އެއަށް ފަހު ހައިކޯޓު މަރުހަލާގައި އެ މައްސަލަ ނިމުނީ 12 ޖޫން 2017 ގައި ކަމުގައިވާއިރު، މިހާރު މި މައްސަލަ ހައްލު ނުވެގެން އުޅޭތާ 8 (އަށެއް) އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެއްޖެއެވެ.
މި ބާވަތުގެ މައްސަލަތަކުގައި ބަދަލު ނަގައިދިނުމުގައި ރިޢާޔަތް ކުރެވިދާނެ ކަންކަމުގެ ތެރެއިން ގިނަ ކަންކަމާގުޅޭ ގިނަ މަޢުލޫމާތު، މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް އަދި ހައިކޯޓު މަރުހަލާގައި ހުށަހަޅާފައިވާކަން ފާހަގަކުރެވެއެވެ. ބުނެވުނު ދެ މަރުހަލާގައިވެސް ހުށަނާޅާ އައު މަޢުލޫމާތަކަށް ހުރީ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން އަންޖަލީން ނާޒިއު ވަކިކުރި ފަހުން އެހެން ވަޒީފާއެއް އަދާކޮށްފައިވާކަމަށް ބުނެ ހުށަހެޅި މައުލޫމާތެވެ.
ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން މިހާރު ބަލަމުން މިދާ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށް 2017 ވަނަ އަހަރު އެދުނުއިރު، އިސްތިއުނާފީ ނުކުތާއެއްގެ ގޮތުގައި ބަދަލުގެ މިންވަރު ޢަދުލުވެރި ނޫންކަމަށް ބުނެ ހުށަހަޅާފައިވެއެވެ. އެގޮތުން ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ ވަޒީފާއިން އަންޖަލީން ނާޒިއު ވަކިކުރި ފަހުން، އަންޖަލީން ނާޒިއު އަމިއްލަ ވިޔަފާރިއެއްގެ ދަށުން ޓްރެވަލް އޭޖެންޓެއްގެ ޚިދުމަތްދޭ ކަމަށް ބުނެ، ކަމާބެހޭ ލިޔެކިއުންތައް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ.
މި ނުކުތާއާ ގުޅޭ ތަފްސީލު ޓްރައިބިއުނަލަށާއި ހައިކޯޓަށް ހުށަހަޅާފައިނުވެއެވެ. އެހެންނަމަވެސް، އަންޖަލީން ނާޒިއުއަށް ނަގައިދެވިދާނެ ބަދަލެއް ކަނޑައެޅުމަށްޓަކައި ދެން ބޭނުންވާ އެހެން ހުރިހާ މައުލޫމާތެއް ދަށު މަރުހަލާތަކަށް ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ. ހަމައެކަނި މަދުވަނީ މިހާރު ސުޕްރީމް ކޯޓަށް އިސްތިއުނާފީ ނުކުތާއެއްގެ ގޮތުން ހުށަހަޅާފައިވާ އަންޖަލީން ނާޒިއު އެހެން ތަނެއްގައި ވަޒީފާ އަދާކުރިކަން އެނގޭނެ ލިޔުންތަކެވެ. ސުޕްރީމް ކޯޓުގައިވެސް މި މައްސަލައާ މެދު ގޮތެއް ކަނޑަނޭޅި 3 (ތިނެއް) އަހަރަށް ވުރެ ދިގު މުއްދަތެއް ފާއިތުވެފައިވެއެވެ.
އެހެންކަމުން، މައުލޫއީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައި ނެތަތީ، އެކަމަށް އަންޖަލީން ނާޒިއުއަށް ލިބިދެވެންޖެހޭ ބަދަލު ނަގައިދިނުމަށްޓަކައި މި މައްސަލަ އަނބުރާ ޓްރައިބިއުނަލަށް ނުވަތަ ދަށު ކޯޓަށް ހުށަހެޅުމަށް އެންގުމަކުން މި މައްސަލައިގައި އެންމެ ޢަދުލުވެރި ނަތީޖާ ނިކުންނާނެކަމަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. އަދި މި މައްސަލަ ހައިކޯޓަށް ތަހުވީލު ކުރަން ނިންމި ނަމަވެސް، އެ ކޯޓުންވެސް އައު މައުލޫމާތަކަށް ބޭނުންވާނީ މިހާރު ސުޕްރީމް ކޯޓަށް އިސްތިއުނާފީ ނުކުތާއެއްގެ ގޮތުން ހުށަހަޅާފައިވާ މައުލޫމާތެވެ. މި މައްސަލަ ދަށަށް އަނބުރާ ފޮނުވާލުމުގެ ނުވަތަ އަލުން ހުށަހެޅުމުގެ ނަތީޖާއަކަށް ވެގެންދާނީ ލިބެންޖެހޭ ގެއްލުމުގެ ބަދަލަށްވުރެ އެ ބަދަލު ހޯދުމަށް ހޭދަވާ ވަގުތާއި މަސައްކަތް ބޮޑުވުމެވެ. މީގެ އިތުރުން، ފެށުނީއްސުރެ ނިޔަލަށް މި މައްސަލައިގައި ދެކެވެމުން އައީ އެއް ވާހަކަތަކެއް ކަމުގައިވާއިރު، ކޮންމެ މަރުހަލާއަކުންވެސް ޚިޔާލު ތަފާތުވުމުގެ ސަބަބުން މި މައްސަލައިގައި އެކި ހައްލު ދެވިފައިވެއެވެ. ޤާނޫނުގައިވެސް އަދި ގަވާއިދެއްގައި ނުވަތަ ޓްރައިބިއުނަލުން ގެންގުޅޭ އުސޫލެއް ނުވަތަ މިންގަޑެއްގައި ވިޔަސް ބަދަލު ދިނުން ހިސާބުކުރުމުގައި ޢަމަލުކުރަންޖެހޭ ވަކި އުޞޫލުތަކެއް ގާއިމުވެފައިނެތަތީ، ޝަރުޢީ އެކި މަރުޙަލާތަކުގެ ޚިޔާލު ތަފާތުވުމުގެ ސަބަބުން މި ބާވަތުގެ މައްސަލަތަކުގައި ކޯޓުތަކުން ހައްލު ހޯދައިދިނުމުގައި މައްސަލަތައް އިތުރަށް ދިގުލައިގެންދެއެވެ.
އަންޖަލީން ނާޒިއުގެ މައްސަލައިގައި މިހާތަނަށް ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިހުރި މަޢުލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ސުޕްރީމް ކޯޓަށް މި މައްސަލައިގައި ބަދަލު ކަނޑައެޅިދާނެކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެގޮތުން، އަންޖަލީން ނާޒިއު އަކީ ވަޒީފާއިން ވަކިކުރިއިރު ޑިގްރީ ހަދާފައިވާ ފަރާތެއްކަމަށް ހައިކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި އަންޖަލީން ނާޒިއުގެ ޤާނޫނީ ވަކީލު ބުނެފައިވެއެވެ. އަދި ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގައި ދިހަ އަހަރަށް ވުރެ ގިނަ ދުވަހު ވަޒީފާ އަދާކޮށްފައިވުމުން، އެ ދާއިރާގައި އެކަށީގެންވާ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަންވެސް ފާހަގަކުރެވެއެވެ. އަންޖަލީން ނާޒިއު އަދާކުރި ވަޒީފާއަކީ ސޭލްސް މެނޭޖަރގެ ވަޒީފާ ކަމުގައިވެފައި، ހޮސްޕިޓަލިޓީ އަދި ހޮޓެލް މެނޭޖްމަންޓުގެ ދާއިރާގައި އަންޖަލީން ނާޒިއުގެ ތަޖުރިބާއާ އެކު އެހެން ވަޒީފާއެއް ހޯދުމުގެ ފުރުޞަތު އޮންނާނެކަމަށް ޤަބޫލުކުރެވެއެވެ. މީގެ އިތުރުން، އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރީ އޭނާގެ މަޤާމު ރިޑަންޑަންޓުވުމުން ކަމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ބުނާއިރު، އެ މަސައްކަތް ކުންފުނީގެ އެހެން މުވައްޒަފަކާ ޙަވާލު ކުރިއިރުވެސް، އަންޖަލީން ނާޒިއު ވަޒީފާ އަދާ ކުރި ގޮތާ މެދު ހިތްހަމަ ނުޖެހުންތަކެއް ހުރިކަން ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ފާހަގަކޮށްފައިނުވެއެވެ.
އަންޖަލީން ނާޒިއު ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ވަޒީފާއިން ވަކިކުރިފަހުން އަމިއްލަ ވިޔަފާރިއެއްގެ ދަށުން ޓްރެވަލް އޭޖެންޓެއްގެ ގޮތުގައި އަންޖަލީން ނާޒިއު މަސައްކަތް ކޮށްފައިވާކަމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ބުނެފައިވެއެވެ. އޭގެ ރައްދުގައި، އަންޖަލީން ނާޒިއު ކުރީ ފްރީލާންސް މަސައްކަތްކަމަށާއި، އެއްވެސް ފަރާތެއްގެ ވަޒީފާއެއް އަދާނުކުރާކަމަށް އަންޖަލީން ނާޒިއުގެ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލިހުގައި ބުނެފައިވެއެވެ. އަދި އޭނާއަށް ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ ބޭނުންކޮށްގެން އެ ދާއިރާގައި ފްރީލާންސް މަސައްކަތް ކުރަމުން ދިރިއުޅުމުގެ ޚަރަދުތައް ބަލަހައްޓަމުން ދިޔަކަމަށް އަންޖަލީން ނާޒިއުގެ ފަރާތުން ބުނެފައިވެއެވެ.
އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކޮށް އޭނާ އެނބުރި ޤައުމަށް ދާން ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން ޓިކެޓު ހަމަޖައްސައިދިންކަމަށް ބުނާ ތާރީޚަކީ 9 އޭޕްރިލް 2012 ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔެކިއުންތަކުން އެނގެއެވެ. އަދި އެ ޓިކެޓު ހަމަޖެހިފައިވާކަމަށް އަންޖަލީން ނާޒިއުގެ ފަރާތުންވެސް ކޮށްފައިވާ އީމެއިލް މުޢާމަލާތްތަކުން އެނގެއެވެ.
އެހެންކަމުން ހައިކޯޓުގެ ނަންބަރު 2017/HC-A/38 ގަޒިއްޔާގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ. އަދި މި މައްސަލައިގައި އަންޖަލީން ނާޒިއު ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަން ގާއިމުވެފައިނުވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން އަންޖަލީން ނާޒިއު ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑްގެ ސޭލްސް މެނޭޖަރކަމުގެ ވަޒީފާގައި ހުރިއިރު ލިބެމުން ދިޔަ މުސާރައިގެ 4 (ހަތަރެއް) މަސް ދުވަހަށްވާ މުސާރަ 14,000/- (ސާދަ ހާސް) އެމެރިކާ ޑޮލަރު އާއި އެކު އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައިނުވާތީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 2 (ދޭއް) މަސް ދުވަހަށްވާ މުސާރަ 7,000/- (ހަތްހާސް) އެމެރިކާ ޑޮލަރު އާއި، 2012 ގެ ފެބްރުއަރީ މަހުގެ މުސާރައިން އުނިކޮށްފައިވާ 3,500/- (ތިންހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރު އާއި، 2000/-ރ. (ދެ ހާސް ރުފިޔާ) އާއި އާއެކު ޖުމްލަ 24,500/- (ސައުވީސްހާސް ފަސް ސަތޭކަ) އެމެރިކާ ޑޮލަރު އާއި 2000/-ރ. (ދެހާސް ރުފިޔާ) ބަދަލުގެ ގޮތުގައި ނަގައިދިނުމަށް އަހުރެންނަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/38 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، އަންޖަލީން މޭރީ ނާޒިއު ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށް ކަނޑައަޅައި، ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުން އަންޖަލީން މޭރީ ނާޒިއުއަށް ބަދަލުގެ ގޮތުގައި؛
6 (ހައެއް) މަސް ދުވަހަށްވާ މުސާރަ 21,000/- ( އެކާވީސް ހާސް) އެމެރިކާ ޑޮލަރު އާއި؛
2012 ގެ ފެބްރުއަރީ މަހުގެ މުސާރައިން އުނިކޮށްފައިވާ 3,500/- (ތިންހާސް ފަސްސަތޭކަ) އެމެރިކާ ޑޮލަރު އާއި 2000/-ރ. (ދެ ހާސް ރުފިޔާ)
އާއެކު ޖުމްލަ 24,500/- (ސައުވީސްހާސް ފަސް ސަތޭކަ) އެމެރިކާ ޑޮލަރު އާއި 2000/-ރ. (ދެހާސް ރުފިޔާ) މިއަދު (26 ނޮވެމްބަރ 2020) އިން ފެށިގެން 7 (ހަތެއް) ދުވަހުގެ ތެރޭގައި އަންޖަލީން މޭރީ ނާޒިއުއަށް ދެއްކުމަށް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަމުރުކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުއަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.