އާދަމް ނަޞީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2015/SC-A/20
ޝަރީޢަތް ނިމުނުގޮތް
އާދަމް ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު
01 މާރޗް 2021
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2014/HC-A/319
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
އާދަމް ނަޞީރު
ބަދަލުގައި: މަރްޔަމް ޔާޝާ ޤާނޫނީ ވަކީލު: ޙަސަން ފަލާޙް، ސިތާނާ، ޏ. ފުވައްމުލައް
މަދަނީ – ފައިސާ ހޯދުން- ޓެކްހަށް ނުވާ ފައިސާ- އެއްބަސްވުންތަކާ ގުޅިގެން މީރާއިން ދަޢުވާ ކުރުން
އާދަމް ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތަޢާރުފު
ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް އާދަމް ނަޞީރު (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އާދަމް ނަޞީރު") އަށް ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އާދަމް ނަޞީރުއާ ދެމެދު 16 މާޗް 2008 ގައި އެއްބަސްވުމެއްވެފައިވެއެވެ.
މި އެއްބަސްވުމާ އެއްގޮތަށް އާދަމް ނަޞީރު ފައިސާ ދައްކާފައިނުވާތީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން 21 ޖޫން 2011 ގައި އެއްބަސްވުން ބާޠިލްކޮށްފައިވެއެވެ. އަދި 16 މާރޗް 2009 އިން ފެށިގެން އެއްބަސްވުން ބާޠިލްކުރި ތާރީޚްކަމަށްވާ 21 ޖޫން 2011 ގެ ނިޔަލަށް ލީސް ރެންޓްގެ ގޮތުގައާ އަދި އެއްބަސްވުމުގައިވާ ގޮތަށް ލީސް ރެންޓް ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އާދަމް ނަޞީރުގެ ފަރާތުން ދިވެހި ސަރުކާރަށް ދައްކަންޖެހޭކަމަށް ބުނާ 8,143,257.28ރ. (އަށް މިލިއަން އެއްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ ފަންސާސް ހަތްރުފިޔާ އަށާވީސް ލާރި) ހޯދުމަށް އެދި އާދަމް ނަޞީރުގެ މައްޗަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "މީރާ") ގެ ފަރާތުން ސިވިލް ކޯޓުގައި ދަޢުވާކުރިއެވެ. މި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާ އިންނެވެ.
މީރާއިން ހޯދުމަށް އެދިފައިވާ ފައިސާއަކީ އާދަމް ނަޞީރުގެ ފަރާތުން ދިވެހި ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، އެ ފައިސާއަކީ މަދަނީ ދަރަންޏެއްގެ ގޮތުގައި ދިވެހި ސަރުކާރަށް އާދަމް ނަޞީރުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަމަށް ކަނޑައަޅައި، އެ ފައިސާ 16 ޖޫން 2014 އިން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެމަހަކަށްޖެހޭ އަދަދަށްވުރެ މަދުނޫން މިންވަރެއް މީރާއަށް ދައްކަމުން ގޮސް އެ ފައިސާ ދައްކާ ޚަލާޞްކުރުމަށް ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާގައި ޙުކުމްކޮށްފައިވެއެވެ.
ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ އާދަމް ނަޞީރުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާ އިންނެވެ.
ހައިކޯޓް އިން ޙުކުމް ކޮށްފައިވަނީ ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާގެ ޙުކުމަށް ބަދަލުގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.
މިއީ، ހައިކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ އާދަމް ނަޞީރުގެ ފަރާތުން ސުޕްރީމް ކޯޓުގައި އެ މައްސަލަ އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.
އިސްތިއުނާފު ކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް
މީރާގެ ފަރާތުން އާދަމް ނަޞީރުގެ މައްޗަށް ސިވިލް ކޯޓުގައި އުފުލި ދައުވާއާ ގުޅިގެން، އާދަމް ނަޞީރުގެ ފަރާތުން އިޖުރާއީ ދެ ނުކުތާއެއް ނަގާފައިވެއެވެ. އެއީ؛
އާދަމް ނަޞީރުގެ ފަރާތުން ސިވިލް ކޯޓުގައި ނެގި ފުރަތަމަ ނުކުތާގައި ބުނެފައިވަނީ މީރާއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ ދަށުން އުފައްދާފައިވާ މުއައްސަސާއެއް ކަމަށާއި، އެ ޤާނޫނުން މީރާއަށް ލިބިދީފައިވަނީ ޓެކުހުގެ ގޮތުގައި ހިމެނޭ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ބާރުކަމަށާއި މަދަނީ އެއްބަސްވުންތަކާ ގުޅިގެން އެކިފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ ފައިސާއަކީ ޓެކުހެއް ނޫންކަމަށާއި، އެހެންކަމުން އެ ގާނޫނުން މީރާއަށް ލިބިދީފައިނުވާ ބާރެއް މީރާއަށް ލިބިގެންނުވާކަމަށެވެ.
ދެވަނަ ނުކުތާއެއްގެ ގޮތުގައި އާދަމް ނަޞީރު ނަގާފައިވާ ނުކުތާގައި ބުނެފައިވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 34 ވަނަ މާއްދާގެ (ހ) ގައި، ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ "އެހެންވެސް ޢަދަދެއް" ނުދައްކާ އޮވެއްޖެނަމަ، ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާ ކޯޓުގައި ދަޢުވާކޮށްގެން މީރާއަށް ހޯދޭނެކަމަށް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ އެ އަކުރުގައި ބުނާ "އެހެންވެސް ޢަދަދެއް" އެއީ ޓެކުހާ އެއްވެސް ގުޅުމެއްނުވާ ފައިސާއެއްކަމުގައި މާނަކޮށްފިނަމަ، ދައުލަތަށް ލިބެންޖެހޭ ހުރިހާ ފައިސާއެއް ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު ލިބިގެންވަނީ މީރާއަށް ކަމުގައި ބަލަންޖެހޭކަމަށާއި އެހެންނަމަވެސް ޓެކުހާ ގުޅުމެއްނުވާ ފައިސާ ދައުލަތަށް ހޯދުމަށް ދަޢުވާކުރަންޖެހޭ ފަރާތަކީ ބަންޑާރަ ނާއިބުކަމަށާއި، އެހެންކަމުން އެކަންކަމުގެ މައްޗަށް ރިޢާޔަތްކޮށް، މި ދަޢުވާގައި ބަޔާންކޮށްފައިވާ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު މީރާއަށް ލިބިގެން ނުވާކަމަށެވެ.
އާދަމް ނަޞީރުގެ ފަރާތުން ނެގި އިޖްރާއީ ނުކުތާއާ ގުޅިގެން މީރާއިން ދެކެނީ ދައުލަތަށް ލިބެންޖެހޭ ޓެކުހަށް ނުވާ ފައިސާ (ކުއްޔާއި ޖޫރިމަނާ) ހޯދުމުގެ ޒިންމާ ޙަވާލުކުރެވިފައިވާ ފަރާތަކީ މީރާކަމުގައި މީރާއިން ދެކޭކަމަށެވެ. ސަބަބަކީ މީރާގެ މައިގަނޑު މަޤުޞަދުތައް ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 03 ވަނަ މާއްދާގެ (ހ) އިން (ވ) އަށް ބަޔާންކޮށްފައިވާއިރު، "ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތަކުން ... ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ "އެހެނިހެން ފައިސާ" ދައްކަންޖެހޭ ދުވަހަށް ހަމަޔަށް ދައްކައިތޯ ބެލުން" އެއީ މީރާގެ މަޤްޞަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމަށް އެ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާތީއާއި، އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި ޓެކުހެއް ނުވަތަ ޖޫރިމަނާއެއް ނުވަތަ އެހެންވެސް ޢަދަދެއް" ނުދައްކާ އޮވެއްޖެނަމަ، ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެފައިސާ ކޯޓުގައި ދަޢުވާކޮށްގެން މީރާއަށް ހޯދޭނެކަމަށް ބަޔާންކޮށްފައިވާތީއެވެ.
ސިވިލް ކޯޓުގެ މައްސަލައަށް ބަންޑާރަ ނައިބު (ދައުލަތް) ތަދައްޚުލް ކުރުވުމުން، އާދަމް ނަޞީރު ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން ދައުލަތުގެ ފަރާތުން ބުނަނީ މި ދަޢުވާގައި ހިމެނޭ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ޤާނޫނީ ޙައިޘިއްޔަތު ލިބިގެންވަނީ މީރާއަށް ކަމަށެވެ.
އާދަމް ނަޞީރު ނެގި އިޖުރާއީ ނުކުތާއާ ގުޅިގެން 2013 އޭޕްރީލް 28 ވަނަ ދުވަހު ސިވިލް ކޯޓުން ނިންމާފައިވަނީ މަދަނީ އެއްބަސްވުންތަކާ ގުޅިގެން އެކިފަރާތްތަކުން ސަރުކާރަށް ދައްކަންޖެހޭ، ޓެކުހަކަށް ނުވާ ފައިސާ ހޯދުމުމަށް އެދި މީރާގެ ފަރާތުން ހުށަހަޅާ ދައުވާތަށް ކޯޓަށް ބަލައިގަނެ، މީރާއަށް އެދަޢުވާތައް ކުރުމުގެ ބާރު ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ ދަށުން ލިބިގެންވާކަމަށް ބަލައި، ކޯޓުން އެ މައްސަލަތަކުގައި ފައިޞަލާކުރަނިވި ނިޔާއެއް ކަނޑައަޅައިދެމުން އައުމަކީ އިސްތިޤްރާރުވެފައިވާ ކަމެއްކަން އެނގެން އޮންނަކަމަށެވެ.
އާދަމް ނަޞީރުގެ ފަރާތުން ދެއްކި ވާހަކަތަކަށާއި މީރާގެ ފަރާތުން ދެއްކި ވާހަކަތަކަށާއި ދައުލަތުގެ ފަރާތުން ދެއްކި ވާހަކަތަކުގެ މައްޗަށް ބަލައި ސިވިލް ކޯޓުން މި މައްސަލަ ނިންމުމުގައި އަންނަނިވި ކަންކަން ފާހަގަ ކޮށްފައިވެއެވެ.
ނ. ކަލައިދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީސް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އާދަމް ނަޞީރުއާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ދިވެހި ސަރުކާރަށް 16 މާޗް 2009 އިން ފެށިގެން އެއްބަވުން ބާޠިލްކުރި ތާރީޚްކަމަށްވާ 21 ޖޫން 2011 ގެ ނިޔަލަށް ލީސް ރެންޓުގެ ގޮތުގައާ އަދި އެއްބަސްވެފައިވާ ގޮތަށް ލީސް ރެންޓް ނުދެއްކުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި އާދަމް ނަޞީރުގެ ފަރާތުން ދިވެހި ސަރުކާރަށް ދައްކަންޖެހޭކަމަށް ބުނާ 8،143،257.28ރ. (އައްމިލިއަން އެއްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ ފަންސާސް ހަތް ރުފިޔާ އަށާވީސް ލާރި) ހޯދުމަށް އާދަމް ނަޞީރުގެ މައްޗަށް މީރާއިން ހުށަހަޅާފައިވާ މައްސަލައެއްކަން.
މި ދަޢުވާގައި ބުނާ ފައިސާ، ސަރުކާރަށް ލިބެންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި ހޯދުމަށް ދަޢުވާކުރުމުގެ ޙައްޤު މީރާއަށް ލިބިގެންވާކަން އެނގެން އޮންނަކަމާ އަދި 29 ނޮވެމްބަރ 2011 ގައި ނ. ކަލައިދޫއާ ގުޅޭގޮތުން ވަޒީރުންގެ މަޖިލީހުން ނިންމި ނިންމުން ތަންފީޒުކުރުމަށްޓަކައި އެ ނިންމުމާ ގުޅޭ ވަޒީރުގެ ފަރާތުން ޤާނޫނީގޮތުން އެއްވެސް ފިޔަވަޅެއް އަޅާފައިވާކަން އެނގެން ނެތުމާއެކު އެ ނިންމުމުގެ މަންފާ އާދަމް ނަޞީރުއަށް ލިބިގެންވާކަމުގައި ބެލެވޭނެ ތަނެއް ނެތްކަން އެނގެން އޮންނަހިނދު، ދައުވާގައި ހޯދުމަށް އެދިފައިވާ ފައިސާއަކީ ދިވެހި ސަރުކާރަށް އާދަމް ނަޞީރުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، މި ފައިސާއަކީ މަދަނީ ދަރަންޏެއްގެ ގޮތުގައި ދިވެހި ސަރުކާރަށް އާދަމް ނަޞީރުގެ ފަރާތުން ދައްކަންޖެހޭ ފައިސާއެއްކަން.
މި ފައިސާ ދިވެހި ސަރުކާރަށް އަދާކޮށްދިނުމުގެ ގޮތުން 16 ޖޫން 2014 އިން ފެށިގެން 06 (ހައެއް) މަސްދުވަހަށް އެއްވަރަށް މިފައިސާ ބަހާލައިގެން ކޮންމެ މަހަކުވެސް އެމަހަކަށްޖެހޭ ޢަދަދަށްވުރެ މަދުނޫން މިންވަރަކުން މީރާއަށް ދައްކަމުންގޮސް، މި މުއްދަތުގެ ތެރޭގައި މި ފައިސާ އެއްކޮށް ދައްކައި ޚަލާސްކުރުމަށް އާދަމް ނަޞީރަށް އަންގައިފައިވާކަން.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް، އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް 02 ނުކުތާއެއް ހުށަހަޅާފައިވެއެވެ.
މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެއްކަމާއި އެ ޤާނޫނުގެ ދަށުން މީރާއަށް ޤާނޫނީ ގޮތުން ބާރު ލިބިދެނީ ޓެކްސްއާއި ޓެކްސްއާ ގުޅުންހުރި ފައިސާތަކާމެދު ޝަރުޢީ ކޯޓުތަކުގައި ދަޢުވާކުރުމަށް ކަމަށްވީ ހިނދު، ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާގައި ހިމެނެނީ، ޓެކްސް ގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ އެއްވެސް ގުޅުމެއް ނެތް ފައިސާއެއް ކަމަށްވާ "ލީސް ރެންޓް" އާ ގުޅޭ ފައިސާތަކެއް ކަމަށްވީއިރުވެސް، އަދި ދަށުކޯޓުގައި މިކަން ބަޔާންކޮށްދެވިފައި ވީނަމަވެސް، މި ބާވަތުގެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަށް ދެއްކުމަށް އެއްބަސްވެފައިވާ "ލީސް ރެންޓް" ގެ ފައިސާއާ މެދު ދަޢުވާކުރުމުގެ ބާރު މީރާއަށް ލިބިގެންވާކަމަށް ނިންމާފައިވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާ ގެ ދަށުން 8,143,257.28 (އަށްމިލިއަން އެއްލައްކަ ސާޅިސް ތިންހާސް ދުއިސައްތަ ފަންސާސް ހަތްރުފިޔާ އަށާވީސް ލާރި) ނަންގަވައި ދެއްވުމަށް ޙުކުމް ކުރައްވާފައިވާއިރު، މި ޢަދަދު ހިސާބުކުރުމުގައި މައްސަލަ ބެއްލެވި ޤާޟީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އާދަމް ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ.
-1181001525378ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާޙުކުމް ބާޠިލް ކުރަމުން" މިފަދައިން ޖެހިފައިވަނީ ލިޔުމުގެ ކުށަކުން ނެވެ. ރަނގަޅުގޮތަކީ "...މި ޤަޟިއްޔާގައި ހައިކޯޓުން ކަނޑައެޅި ކަންކަމަކީ؛" އެވެ.
00ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާޙުކުމް ބާޠިލް ކުރަމުން" މިފަދައިން ޖެހިފައިވަނީ ލިޔުމުގެ ކުށަކުން ނެވެ. ރަނގަޅުގޮތަކީ "...މި ޤަޟިއްޔާގައި ހައިކޯޓުން ކަނޑައެޅި ކަންކަމަކީ؛" އެވެ.
ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާ އާދަމް ނަޞީރުގެ ފަރާތުން އިސްތިއުނާފުކުރުމުން، ހައިކޯޓުން އެ މައްސަލަބެލީ އެ ކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާއިންނެވެ. ހައިކޯޓުންވަނީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ އެއްވެސް ސަބަބެއް ނެތްކަމަށް ކަނޑައަޅާފައި ވެއެވެ. ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާ ޙުކުން ބާޠިލް ކުރަމުން މި ޤަޟިއްޔާގައި ހައިކޯޓުން ކަނޑައެޅި ކަންކަމަކީ؛
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/6 ޤަޟިއްޔާގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/150 އަދި ނަންބަރު 2014/HC-A/83 ޤަޟިއްޔާއަށް ބަލާއިރުވެސް، މިބާވަތުގެ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަން އެނގޭކަމާއި، އެއިން ޤަޟިއްޔާއެއްގެ ޙުކުމް މިހާތަނަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަދަލުކޮށް އެފަދަ ފައިސާ ހޯދުމަށް ދަޢުވާކުރުމުގެ ބާރު މީރާއަށް ލިބިގެން ނުވާކަމަށް ކަނޑައަޅުއްވާފައިވާކަން އެނގެން ނެތްކަން.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހޯދުމަށް ދަޢުވާކުރި 8,143,257/28 (އަށްމިލިއަން އެއްލައްކަ ސާޅިސް ތިންހާސް ދުއިސައްތަ ފަންސާސް ހަތްރުފިޔާ / އަށާވީސް ލާރި) ދެއްކުމަށް އާދަމް ނަޞީރުގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކުރައްވާފައިވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އާދަމް ނަޞީރުއާ ދެމެދުގައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ ވަކިގޮތަކަށް މާނަކުރައްވައިގެންކަން އެނގެންނެތްކަމާއި، އެއްބަސްވުމުގެ އެ މާއްދާތަކަކީ އެއްބަސްވުން ބާޠިލުކުރުމާގުޅޭ މާއްދާތަކެއްކަމާއި، ސިވިލް ކޯޓުގައި އާދަމް ނަޞީރުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ މައްޗަށް ބަލާއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ދަޢުވާކުރި ފައިސާގެ މި ޢަދަދާމެދު އާދަމް ނަޞީރުގެ ފަރާތުން އިންކާރުކޮށްފައިވާކަން އެނގެން ނެތްއިރު، ފައިސާގެ އެޢަދަދަކީ އާދަމް ނަޞީރުގެ ފަރާތުން ދިވެހި ސަރުކާރަށް ދައްކަންޖެހޭ ފައިސާއެއްކަމުގައި ސިވިލް ކޯޓުން ކަނޑައަޅުއްވާފައިވަނީ ހުށަހެޅިފައިވާ ލިޔުންތަކުގެ މައްޗަށް ބިނާކޮށްގެންކަން އެނގޭކަން.
ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު
މި މައްސަލައިގައި ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ އާދަމް ނަޞީރުގެ ފަރާތުން ސުޕްރީމް ކޯޓުގައި 02 (ދޭއް) ނުކުތާ ފާހަގަކޮށްފައިވެއެވެ. އެ ނުކުތާތަކަކީ:
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ ދަށުން އުފައްދާފައިވާ މިނިވަން މުއައްސަސާއެއް ކަމަށްވީ ހިނދު، އަދި މިދެންނެވި ޤާނޫނުގެ ދަށުން މީރާއަށް ޤާނޫނީ ގޮތުން ބާރު ލިބިދެނީ، ޓެކްސްއާއި، ޓެކްސްއާ ގުޅުންހުރި ފައިސާތަކާ މެދު ޝަރުޢީ ކޯޓުތަކުގައި ދަޢުވާކުރުމަށް ކަމަށްވީ ހިނދު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވިފައިމިވާ، ހައިކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާއިން ބެއްލެވި މައްސަލައިގައި ހިމެނެނީ، ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާ އެއްވެސް ގުޅުމެއް ނެތް ފައިސާއެއް ކަމަށްވާ "ލީސް ރެންޓް" އާ ގުޅޭ ފައިސާތަކެއް ކަމަށްވީއިރުވެސް، މިބާވަތުގެ އެއްބަސްވުންތަކުގެ ދަށުން "މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ" އަށް ދެއްކުމަށް އެއްބަސްވެފައިވާ "ލީސް ރެންޓް" ގެ ފައިސާއާ މެދު ދަޢުވާކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަމަށް ހައިކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްވުން.
ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާގެ މައްސަލަ ބެލި ޤާޟީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް އާއި އާދަމް ނަޞީރުއާ ދެމެދުވެފައިވާ އެއްބަސްވުމުގެ 44 ވަނަ މާއްދާއާއި 45 ވަނަ މާއްދާ މާނަކުރައްވާފައިވަނީ ރަނގަޅަށް ނޫންކަމަށާއި، އަދި އެ ޤަޟިއްޔާގައި ފައިސާގެ ޢަދަދުތައްވެސް ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އާދަމް ނަޞީރު ހުށަހެޅި ދެ އިސްތިއުނާފީ ނުކުތާތަކަކީ އެ ނުކުތާތަކާމެދު ދަށު ކޯޓުގައި ވާހަކަދައްކާ ޠައުނުކުރުމުގެ ފުރުސަތު އާދަމް ނަޞީރަށް ލިބިފައިވުމާއެކުވެސް، އެއްވެސް ސިފައެއްގައި ދަށުކޯޓަށް ހުށަހަޅާފައިވާ ނުކުތާތަކެއް ކަމުގައިނުވާތީ، އެނުކުތާތަކަކީ އިސްތިއުނާފީ މަރުޙަލާގައި ހައިކޯޓުން ބަލައިގަނެ އެއާމެދު ގޮތެއް ނިންމަންޖެހޭނެ ނުކުތާތަކެއް ނޫންކަމަށް ހައިކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާއިން ބެލި މައްސަލައިގައި ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރުމުގެ މައިގަނޑު މަޤުޞަދާއި، އިސްތިއުނާފުކުރުމަށް ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުގެ ނައްޞާއި، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ ރޫޙާ ޚިލާފަށްކަމަށްވުން ކަމަށް ބުނެ ހުށަހެޅި ނުކުތާ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ އާދަމް ނަޞީރުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން މީރާގެ ފަރާތުން މައިގަނޑު 02 ނުކުތާއެއް ހުށަހަޅައި އެނުކުތާތަކާ ގުޅޭގޮތުން ވާހަކަ ދައްކާފައިވެއެވެ. އެ ނުކުތާތަކަކީ؛
ނ. ކަލައިދޫ އާ ގުޅިގެން އާދަމް ނަސީރުގެ ފަރާތުން ދައްކަންޖެހޭ ފައިސާ ގަވާއިދުން ދައްކައިފައިނުވުމުން، ފައިސާ ދައްކަންޖެހޭ ތާރީޚު ހަމަވުމަށްފަހު، އެ ފައިސާއަކީ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއް ކަމާއި އިސްތިއުނާފު ކުރާ ފަރާތުން މި ފައިސާ ދައްކަން ޖެހެނީ މީރާއަށް ކަމަށްވާތީ، މި ފައިސާއަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގައިވާ ފަދައިން މީރާގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ އަދި މީރާއިން އޭގެ މައްޗަށް ބަސްބުނެވޭނެ ފައިސާއެއް ކަމުގައި މީރާއިން ދެކޭކަމާއި އެއްބަސްވުން ބާތިލުވުމަށްފަހު އެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ފައިސާއަކީ އެ ފަރާތްތަކުން ދައުލަތަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއް ކަމުން ކޯޓު މެދުވެރިކޮށް އެ ފައިސާ ހޯދުމަށް މީރާއިން ދަޢުވާ ކުރެވިދާނެކަން ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު ގެ 3 ވަނަ މާއްދާގެ (ނ) އާއި 49 ވަނަ މާއްދާގެ (ހ) އާއި 50 ވަނަ މާއްދާއިން އެނގޭކަން.
މި މައްސަލައިގެ ސިވިލް ކޯޓު މަރުޙަލާގައި އެފަރާތުން ނެގި އިޖުރާއީ ނުކުތާއާ މެދު ކޯޓުން 28 އެޕްރީލް 2013 ގައި ނިންމުމެއް ނިންމާފައިވާކަމަށާއި މި މައްސަލަ މައުޟޫޢީ ގޮތުން ނިންމައި ޙުކުމްކޮށްފައިވަނީ 16 ޖޫން 2014 ގައި ކަމަށާއި އެހެންކަމުން އިސްތިއުނާފު ކުރާ ފަރާތުން ނެގި އިޖުރާއީ ނުކުތާއަށް ގޮތެއް ކަނޑައެޅިގެން ދިއައީ ޙުކުމުން ކަމަށް ބަޔާންކުރާކުރުމަކީ ހަގީގަތާ ޚިލާފުވާހަކައެއްކަމާއި އެހެނީ އިޖްރާއީ ގޮތުން މީރާއަށް މައްސަލަ ކުރިއަށް ގެންދެވިދާނެކަމަށް ނިންމުމާއެކު ދެން މައްސަލައިގައި ކުރިއަށް ދިއައީ މައުޟޫޢީ ނުކުތާތަކާ މެދު ބަހުސްކުރުން ކަމާއި، އިސްތިއުނާފު ކުރާ ފަރާތުން އެއްވެސް ވަރަކަށް އެއްބަސްވުމުގެ 44 އަދި 45 ވަނަ މާއްދާ ޠަޢުނުކޮށް ނުވަތަ ދައްކަންޖެހޭ އަދަދަކީ އެފަރާތުން ދައްކަން ނުޖެހޭ އަދަދެއްކަން ބަޔާންކޮށްފައި ނުވާކަމާއި، އެއްބަސްވުމުގެ ޙަވާލާދީފައިވާ 44 ވަނަ މާއްދާ އާއި 45 ވަނަ މާއްދާގެ ވާހަކައަކީ ދަށު ކޯޓުގެ ޝަރީޢަތް ހިނގިއިރު ފާހަގަކޮށްފައިނުވާ ނުކުތާއަކަށްވެފައި، ހައިކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާ، އެހެނަސް ދަށު މަރުހަލާ ކޯޓުގައި ހުށަހަޅާފައިނުވާ ނުކުތާއަކަށްވާތީ އެ ކޯޓުން ބަލައިގަނެފައިނުވާ ނުކުތާއަކަށް ވާތީ މި ނުކުތާއަކީ އިސްތިއުނާފީ މަރުހަލާގައި ނެގިގެންނުވާނެ ނުކުތާއެއް ކަމަށް މީރާއިން ގަބޫލުކުރާ ކަމަށާއި އެހެނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 32 ވަނަ މާއްދާގެ (ހ) ގެ ދަށުން އިސްތިއުނާފު ކުރާ ފަރާތުން ޠަޢުނު ކުރުމުގެ ފުރުސަތު ލިބިގެންވާ ނުކުތާތަކެއްކަމަށް މީރާއިން ނުދެކޭކަން.
ރިޕޯޓު ބިނާވެފައިވާގޮތް
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ލިޔުއްވި މި ކޯޓުގެ ނަންބަރު 2014/SC-A/41 (މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) އަދި ނަންބަރު 2014/SC-A/12 (ޒުލައިޚާ ހަފީޒާ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ޤަޟިއްޔާގެ ވާޤިޢާތަކާއި މި ޤަޟިއްޔާގެ ވާޤިޢާތައް ބިނާވެފައިވަނީ ދާދި އެއްގޮތް ކަންތައްތަކެއްގެ މައްޗަށްކަން ފާހަގަކުރެވެއެވެ. އެހެންކަމުން، މި ޤަޟިއްޔާއިން ޤާނޫނު މާނަކުރުމުގައި ބަލާފައިވާނީ ބުނެވުނު ދެ ޤަޟިއްޔާގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ރައުޔަށެވެ. މި ރިޕޯޓުގައި ޢިބާރާތްތައް ބުނެވުނު ދެ ޤަޟިއްޔާއާ އެއްގޮތަކަށް ނަކަލުކޮށްފައި އެވަނީ ޢިބާރާތްތަކަށް ބަދަލު ގެނެސްފިނަމަ، އޮޅުން އަރާފާނެކަމަށް ފެންނާތީއެވެ.
ދަޢުވާކުރުމުގެ ހައިސިއްޔަތު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާކަން ނުވަތަ ނޫންކަން ކަނޑައެޅުން
ލީސް ރެންޓްވެސް ހިމެނޭ ގޮތުން ދައުލަތަށް ލިބެންޖެހޭ ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ ހޯދުމަށްޓަކައި ކޯޓުތަކުގައި ދަޢުވާ ކުރުމަކީ ޤާނޫނީ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާ ބާރެއް ކަމުގައި އެ އިދާރާއިން ދެކެއެވެ. މިފަދައިން އެ އިދާރާއިން ދެކެނީ އަންނަނިވި ޤާނޫނީ ނައްޞުތަކާ ޙަވާލާ ދިނުމާއެކުގައެވެ.
ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 03 ވަނަ މާއްދާގެ (ނ).
މި އަކުރުގައި އޮންނަނީ، "ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން." މިފަދައިންނެވެ.
އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ).
މި އަކުރުގައި އޮންނަނީ، "އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ޢަދަދެއް، ނުދައްކައި އޮވެއްޖެނަމަ ސަރުކާރަށް ދައްކަންޖެހޭ މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާއެއް ހޯދޭނެއެވެ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން މި ފައިސާ ކޯޓުގައި ދަޢުވާ ކޮށްގެން ހޯދިދާނެއެވެ. ލިބެންވާ ފައިސާ ހޯދުމުގައި ޝަރީޢަތުގެ މަރުޙަލާތަކުގައި، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި އެޑްރެހާއި އަދި ދައްކަންޖެހޭ ޢަދަދުގެ ތަފުސީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ ޢަދަދު ޘާބިތުކުރުމަށް އޮތް ހެއްކެއްކަމުގައާއި އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއްކަމުގައި ފުދޭނެއެވެ." މިފަދައިންނެވެ.
އެ ޤާނޫނުގެ 35 ވަނަ މާއްދާ.
މި މާއްދާގައި ބަޔާންވެފައިވަނީ، "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެއްވެސް ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމުކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޢަމަލުކުރާނީ، ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދެއްކުން ލާޒިމުކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކުހެއް އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޢަމަލުކުރާނެ އުސޫލުތައް ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ." މި ފަދައިންނެވެ.
ޤާނޫނު ނަންބަރު 2010/03 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 35 ވަނަ މާއްދާއަކީ އިސްތިއުނާފު ކުރެވޭ މި މައްސަލައިގައި ދެ ފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގައި ސޮއިކުރެވުނުއިރު، އަދި މި މައްސަލައިގެ ދަޢުވާ ސިވިލް ކޯޓަށް ހުށަހެޅުނުއިރު، ވުޖޫދުގައިވާ މާއްދާއެއް ނޫނެވެ. މި މާއްދާ ޤާނޫނަށް އިތުރު ކުރެވިފައިވަނީ މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، 29 ޑިސެމްބަރު 2011 ގައި، ޤާނޫނު ނަންބަރު 2010/03 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 01 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުންނެވެ. ވުމާއެކު، މި މާއްދާއަކީ ރަޖުޢީ ގޮތެއްގައި (Retrospective) އިސްތިއުނާފު ރައްދުވާ ފަރާތަށް މި މާއްދާގެ މަންފާ ލިބޭނެ މާއްދާއެއް ނޫނެވެ.
ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ ހޯދުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިގެންވާ ޤާނޫނީ ބާރެއްކަން ނުވަތަ ނޫންކަން ދެނެގަތުމުގައި، ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ ކޮބައިކަމާއި، އެ ޤާނޫނުގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަޤުޞަދުތަކަށާއި، ޓެކުހެއް ކަމުގައި ނުބެލެވޭ އެހެނިހެން ފައިސާ ހޯދުމުގައި ޢަމަލު ކުރުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ އުސޫލުތަކީ ކޮބައިކަން ދެނެގަންނަން ޖެހެއެވެ.
ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަކީ ޓެކްސް ނެގުމުގެ އިދާރީ އޮނިގަނޑު އެކުލަވާލައި އެކަމަށް ޢަމަލު ކުރަންޖެހޭ އުސޫލުތައް ކަނޑައަޅާ ޤާނޫނުކަން އެ ޤާނޫނުގެ 01 ވަނަ މާއްދާގެ (ހ) އިން އެނގެއެވެ.
އެ ޤާނޫނުގެ ދަށުން ޓެކްސް ނެގުމުގެ އެންމެހައި ކަންކަން މަރުކަޒީ ގޮތެއްގައި ބެލެހެއްޓުމަށް "މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ" ގެ ނަމުގައި އިދާރާއެއް އުފައްދައި އެ އިދާރާގެ މައިގަނޑު މަސްއޫލިއްޔަތުގެ ގޮތުގައި އަންނަނިވި ކަންކަން ހިމަނާފައިވެއެވެ.
ޓެކްސްއާބެހޭ ޤާނޫނުތައް ތަންފީޒުކުރުމާއި ޓެކްސްއާބެހޭ ސިޔާސަތުތައް ހިންގުން.
ޤާނޫނީ ގޮތުން ދައުލަތަށް ނަގާ އެންމެހައި ޓެކްސް ނެގުމުގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން.
ޓެކްސް ދައްކަންޖެހޭ ހުރިހާ ފަރާތްތަކުން ޓެކްސް ދައްކަންޖެހޭވަރު ހިސާބުކުރަނީ ޤާނޫނާ ގަވާއިދާ އެއްގޮތްވާ ގޮތުގެމަތިންތޯ ބެލުމާއި ދައްކަންޖެހޭ ޓެކްސް، ފީ ނުވަތަ އެހެނިހެން ފައިސާ ދައްކަންޖެހޭ ދުވަހަށް ހަމައަށް ދައްކާތޯ ބެލުން.
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރުތައް ބޭނުން ކުރުމުގައި ޓެކްސް ދައްކާ ފަރާތްތަކުގެ ޙައްޤުތަކަށް ހުރުމަތްތެރިކޮށް ހިތުން.
ޓެކްސް ދައްކާ ފަރާތްތަކަށް ޓެކްސް ނެގުމާބެހޭ ޤާނޫނާއި، ގަވާއިދާބެހޭ ފުރިހަމަ މަޢުލޫމާތުދީ، އެ ފަރާތްތަކުން ޓެކްސް ދެއްކުމަށް ކުރަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތްކުރުން.
ޓެކްސް ނެގުމާބެހޭ އިދާރީ ޚަރަދު ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ރޭވުން.
ޓެކްސްއާބެހޭ އެންމެހައި ޤާނޫނުތަކުގެ ދަށުން ހުށަހަޅަންޖެހޭ ޓެކްސް ބަޔާން، ކްލެއިމް، ސްޓޭޓްމަންޓް، ނޯޓިސް ފަދަ ހުރިހާ ފޯމުތައް، އޭގައި ހުންނަންވާނެ މަޢުލޫމާތު ބަޔާންކޮށް ތައްޔާރުކުރުން އަދި ބޭނުންވެއްޖެ ހިނދެއްގައި އިޞްލާޙުތައް ގެނައުން.
ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ޓެކްސް ނެގުމުގެ ލުއިފަސޭހަ ނިޒާމެއް ޤާއިމުކުރުން.
ޓެކްސްއާބެހޭ ސިޔާސަތުތައް ކަނޑައެޅުމުގައި ސަރުކާރަށް ބޭނުންވެއްޖެ ހިނދެއްގައި ފަންނީ ލަފާދިނުން.
ބުނެވިދިޔަ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގެ މަޤުޞަދުތަކަށް ބަލާއިރު، އެ މަޤުޞަދު ތެރޭގައި ހިމެނެނީ މުޅިންވެސް ޓެކުހާ ގުޅޭ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުންކަން އެނގެއެވެ. އަދި ޤާނޫނީ ގޮތުން ޓެކުހަކީ އޭގެ ތެރޭގައި ކުލި ނުހިމެނޭ އެއްޗެއްކަން ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި "ޓެކްސް ނުވަތަ ޓެހުކެއް" މާނަކޮށްދީފައިވާ ގޮތުން އެނގެއެވެ. އެ އަކުރުގައި "ޓެކްސް ނުވަތަ ޓެހުކެއް" މާނަކޮށްދީފައިވަނީ އަންނަނިވި ގޮތަށެވެ.
"ޓެކްސް" ނުވަތަ "ޓެކުހެއް" ކަމުގައި ބުނެފައި އެވަނީ، ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީ އެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ޤާނޫނީ އެނޫންވެސް ޝަޚްޞަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއަކަށެވެ."
ޓެކުހެއްގެ ގޮތުގައި ނުހިމެނޭ ލީސް ރެންޓްފަދަ ފައިސާ ހޯދުމަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޤާނޫނީ ގޮތުން ކުރެވޭނެ ކަމެއްކަމަށް އެ އިދާރާއިން ބުނާ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ މާއްދާތަކަށް ބަލާއިރު، އެ މާއްދާތަކުގެ ތެރެއިން އެ ޤާނޫނުގެ 03 ވަނަ މާއްދާގެ (ނ) ގައި "އެހެނިހެން ފައިސާ" ބަޔާންވެފައިވަނީ އޭގެ ކުރިން "ޓެކްސް"، "ފީ" މި ދެ ލަފުޒު ބަޔާން ކުރުމަށް ފަހުގައެވެ. އަދި އެ ޤާނޫނުގެ 34 ވަނަ މާއްދާގެ (ހ) ގައި "އެހެން އެއްވެސް ޢަދަދެއް" މި ޢިބާރާތުގެ ކުރިއަށް "އެއްވެސް ޓެކްސްއެއް، ޖޫރިމަނާއެއް" މި ޢިބާރާތް ގެނެވިފައިވެއެވެ.
ކުރިން ބަޔާން މި ކުރެވުނު ދެ މާއްދާގެ ނައްޞަށް ބަލާއިރު، "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް" މި ޢިބާރާތްތައް ބަޔާންވެފައިވަނީ އޭގެ ކުރިން ޚާއްޞަ އެހެން ޢިބާރާތްތަކެއް ބަޔާން ކުރުމަށް ފަހުގައެވެ. އަދި އެފަދައިން "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް" ބަޔާންކޮށްފައި އެވަނީ، ޓެކުހާއި ގުޅިގެން ދައްކަންޖެހޭ ފައިސާގެ ނުވަތަ ޢަދަދުތަކުގެ ބާވަތްތަކާއި ވައްތަރުތަކުން އެއްވެސް ބާވަތެއް ނުވަތަ ވައްތަރެއް އުނިވިޔަނުދީ އެ ހުރިހައި ޢަދަދުތަކާއި ބާވަތްތައް ހިމެނުމުގެ ގޮތުން ބޭނުންކޮށްފައިވާ ޢާންމު ޢިބާރާތެއްގެ ގޮތުގައެވެ. މި ހާލަތުގައި "އެހެނިހެން ފައިސާ" އަދި "އެހެން އެއްވެސް ޢަދަދެއް" މި ޢިބާރާތްތަކަށް ދޭންޖެހޭ މާނައަކީ އެ ޢިބާރާތްތަކުގެ ކުރިއަށް އައިސްފައިވާ ޚާއްޞަ ޢިބާރާތްތަކުން ދޭހަވާ މާނައެވެ. އެނޫން ގޮތަކަށް ބުނާނަމަ، "އެހެނިހެން ފައިސާ" އާއި "އެހެން އެއްވެސް ޢަދަދެއް" ގެ ގޮތުގައި އެ މާއްދާތަކުގައި ބަޔާންވެފައި އެވަނީ ޓެކުހުގެ ގޮތުގައި ހިމެނޭ ފައިސާއާއި ޢަދަދުތަކުގެ މާނަ ދޭހަކުރުމުގެ ގޮތުންނެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން ޙަވާލާދޭ ޤާނޫނީ ނައްޞުތަކުގައިވާ ޢިބާރާތްތަކަށް ދޭންޖެހެނީ އެ ޢިބާރާތްތަކުގެ ކުރީގައިވާ ޢިބާރާތްތަކުން ދޭހަވާ ޚާއްޞަ މާނަކަން ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ އެހެނިހެން މާއްދާތަކަށް ބެލުމުން އިތުރަށް ސާފުވެގެން ދެއެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.
ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް އަންގައި، އެ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން އެ އޮތޯރިޓީއަށް ލާޒިމްވާއިރު، އެއްބަސްވުންތަކާ ގުޅިގެން ދައްކަންޖެހޭ ކުލިފަދަ ދައުލަތަށް ލިބެންޖެހޭ ޓެކުހަކަށް ނުހިމެނޭ ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ދިނުމާއި، އެފަދަ ފަރާތްތަކުގެ ރަޖިސްޓްރީ ބެލެހެއްޓުންފަދަ ޤާނޫނީ ޒިންމާ ޤާނޫނުން މަތިކޮށްފައި ނުވާކަން އެނގެއެވެ.
ޓެކްސް ދެއްކުމުގައި ހިނގާ މަކަރު ހަދައި އޮޅުވާލުމުގެ ޢަމަލުތައް ހުއްޓުވުމަށްޓަކައި ޓެކްސް ދައްކާ ފަރާތްތަކުންނާއި އެނޫން ފަރާތްތަކުން ކަމާގުޅޭ ލިޔެކިޔުންތައް ހޯދުމާއި، އެފަދަ ލިޔެކިޔުންތައް ހޯދުމަށް ތަންތަނަށް ވަނުމާއި، އެކި ފަރާތްތަކާ ސުވާލު ކުރުމުގެ ބާރު ޤާނޫނުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދީފައިވާއިރު، ޓެކްސް ފިޔަވައި ދައުލަތަށް ލިބެންޖެހޭ އެހެނިހެން ފައިސާ ދައުލަތަށް ދެއްކުމުގައި ކުރިމަތިވެދާނެ މިފަދަ ޢަމަލުތަކުގައި ޢަމަލު ކުރާނެ އުސޫލެއް މި ޤާނޫނުގައި ބަޔާންވެފައި ނުވެއެވެ.
އެއްވެސް ޓެކުހެއް، ޖޫރިމަނާއެއް ނުވަތަ އެހެން އެއްވެސް ޢަދަދެއް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ނުދައްކައި އޮވެއްޖެނަމަ، މަދަނީ ދަރަންޏެއްގެ ގޮތުގައި އެ ފައިސާ ހޯދުމުގެ ބާރު ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 34 ވަނަ މާއްދާގެ (ހ) އިން ދިނުމަށްފަހު، މި އަކުރުގައި ބަޔާންވެފައިވާ ފައިސާއަކީ ހަމައެކަނި ޓެކުހާ ގުޅުންހުރި ފައިސާކަން މި އަކުރުގެ ފަހު ޖުމުލައިން ދޭހަވެއެވެ. މި ގޮތުން މި އަކުރުގައި، "ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި، ޓެކްސް ދައްކަންޖެހި ނުދައްކާ އޮތް ފަރާތުގެ ނަމާއި، އެޑްރެހާއި، އަދި ދައްކަންޖެހޭ ޢަދަދުގެ ތަފުސީލު ހިމެނޭ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ސޮއިކޮށްފައިވާ ލިޔުމެއް، ދައްކަންޖެހޭ ޢަދަދު ސާބިތު ކުރުމަށް އޮތް ހެއްކެއްކަމުގައާއި، އަދި ކޯޓުން ނިޔާ ކަނޑައެޅުމަށް ލިބޭ އެކަށީގެންވާ ބާރެއް ކަމުގައި ފުދޭނެއެވެ." މި ފަދައިން ބަޔާންވެފައިވެއެވެ. އަދި މި މާއްދާގެ (ށ) ގައި މި މާއްދާގެ (ހ) އަށް ޙަވާލާ ދިނުމަށްފަހު، "ޓެކްސްގެ ގޮތުގައި ލިބެންވާ ފައިސާ ހޯދުމުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ޢަދަދަކީ، ރަނގަޅު ޢަދަދެއް ނޫން ކަމަށްވާނަމަ، ނުވަތަ އެ ޢަދަދަކާމެދު އިޢުތިރާޒު ކުރާކަމަށްވަނީނަމަ، ނުވަތަ އެ މައްސަލަ އަލުން ބަލައިދިނުމަށް އެދޭނަމަ، އެ މައްސަލައެއް ނިންމާތާ 90 ދުވަހުގެ ތެރޭގައި އިސްތިއުނާފަށް ހުށަހެޅުމުގެ ހައްޤު ލިބިގެންވެއެވެ." މިފަދައިން ބަޔާންކޮށްފައިވުމުން ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 34 ވަނަ މާއްދާގައި ބަޔާންވެފައި މިވަނީ ޓެކުހާ ގުޅުންހުރި ފައިސާ ފިޔަވައި އެނޫން ފައިސާއެއް ނޫންކަން ސާފުކޮށް އެނގެއެވެ.
ޓެކުހަށް ނުވާ ފައިސާ ހޯދުމުގައި ޢަމަލުކުރާނެ އުސޫލެއް ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 35 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ. މި މާއްދާގައި ބަޔާންވެފައިވަނީ، "އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާހިނދަކު، އެއްވެސް ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުމަށް އެއްވެސް ފަރާތަކަށް ލާޒިމުކުރާ ފީއެއް، ނުވަތަ ކުއްޔެއް، ނުވަތަ ރޯޔަލްޓީއެއް، ނުވަތަ ޖޫރިމަނާއެއް ނުވަތަ އެހެންވެސް ފައިސާއެއް، އެ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ދައްކާފައި ނުވާނަމަ، އެ ފައިސާ އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޢަމަލުކުރާނީ، ޓެކްސް ޤާނޫނެއްގެ ދަށުން ޓެކްސް ދެއްކުން ލާޒިމުކުރާ ފަރާތަކުން ދައްކަންޖެހި ނުދައްކާ އޮތް ޓެކުހެއް އެ ފަރާތުން ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ޢަމަލުކުރާނެ އުސޫލުތައް ކަމަށް މި ބާބުގައި ބަޔާންކޮށްފައިވާ އުސޫލުތަކަށެވެ." މި ފަދައިންނެވެ. މި މާއްދާއަކީ އިސްތިއުނާފު ކުރެވޭ މި މައްސަލަ ސިވިލް ކޯޓުގައި ހިނގަމުން ދިޔައިރު، 29 ޑިސެމްބަރު 2011 ގައި، ޤާނޫނު ނަންބަރު 2010/03 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) އަށް 01 ވަނަ އިޞްލާޙު ގެނައުމުގެ ޤާނޫނުގެ ދަށުން އަލަށް ތަޢާރަފު ކުރެވުނު މާއްދާއެއް ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ވިސްނުމަކީ، ޓެކްސްއަށް ނުވާ އެހެނިހެން ފައިސާ ހޯދުމަށް، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޤާނޫނީ ގޮތުން މަސައްކަތް ކުރެވޭނީ އެ ފައިސާއަކީ ޤާނޫނެއްގެ ދަށުން އެ އޮތޯރިޓީއަށް ދައްކަން ވަކި ފަރާތަކަށް ލާޒިމުކޮށްފައިވާ ފައިސާއެއް ކަމުގައިވާނަމަ ކަން ސާފުކޮށް އެނގެއެވެ. އަދި މި މައްސަލައިގެ މައުޟޫޢުގައި ވާހަކަ ދެކެވޭ ކުއްޔާއި، ޖޫރިމަނާގެ ފައިސާއަކީ ޤާނޫނެއްގެ ދަށުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުން ލާޒިމްކޮށްފައިވާ ފައިސާއެއް ނޫންކަން އެނގެއެވެ.
ވުމާއެކު، ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކުލި ހޯދުމަށް ދަޢުވާ ކުރުމަކީ ޤާނޫނީ ގޮތުން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ލިބިފައިވާ ބާރެއްކަމުގައި އަހުރެން ނުދެކެމެވެ.
ކުލި ބަލައިގަތުން ޙަވާލުކުރުމާއި، (Assignment) ކުލި ލިބިގަތުމަށް ދަޢުވާކުރުމުގެ ޙައްޤު (Right to sue)
ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމަށް ވެފައިވާ އެއްބަސްވުން ވެފައިވަނީ، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އާދަމް ނަޞީރުއާ ދެމެދުގައި ކަމާއި، މި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި، ކުލި ދައްކަންޖެހޭ މުއްދަތުގައި ކުލި ނުދެއްކުމުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ އަދި އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެހެންވެސް ފައިސާއެއްވާނަމަ އެ ފައިސާ ދެއްކުމަށް ދަޢުވާކޮށް ފައިސާ ލިބިގަތުމަކީ، އެއްބަސްވުމުގެ 47.1 ވަނަ މާއްދާގެ ދަށުން މިނިސްޓްރީއަށް ލިބިގެންވާ ބާރެއް ކަމުގައިވާއިރު، މި އެއްބަސްވުމުގެ ދަށުން މައްސަލައެއް އުފެދިއްޖެނަމަ، ދެ ޚަޞްމުންގެ ގޮތުގައި ކަނޑައެޅިގެންދާނީ އެއްބަސްވުމުގައި ޤާނޫނީ ގޮތުން ބަނދެވިފައިވާ ދެ ފަރާތް ކަމަށްވާއިރު، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަކީ މި ފައިސާ ހޯދުމަށް ދަޢުވާ ކުރެވޭނެ ފަރާތެއް ނޫންކަމުގައި އާދަމް ނަސީރުގެ ފަރާތުން ބުނެއެވެ.
އިސްތިއުނާފު ކުރާ ފަރާތާއި، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއާ ދެމެދު ވެފައިވާ " ނ. ކަލައިދޫ ކުއްޔަށް ދިނުމުގެ އެއްބަސްވުން" ގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ކުލި ހޯދުމުގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދަޢުވާ ކުރެވޭނެ ކަމަށް، އެ މިނިސްޓްރީއަށްވެސް ޤަބޫލު ކުރެވޭކަމާ، ވުމާއެކު ސަރުކާރުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ދަށުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ ޒިންމާ އޮތް ފަރާތަކީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީކަން ސަރުކާރުންވެސް ޤަބޫލުކުރާ ކަމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވެއެވެ.
އެއްބަސްވުމަކަށް ޢަމަލުކޮށް ފުރިހަމަކުރުމުގެ ޢާންމު އުސޫލަށް ބަލާއިރު، އެއްބަސްވުމެއްގެ ބައިވެރިއެއްގެ މައްޗަށް ލާޒިމުވާ ކަންތައްތައް ކުރަންވާނީ، އެ އެއްބަސްވުމުގައިވާ ޝަރްޠުތަކާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިއާ ޚިލާފު ގޮތަކަށް ޢަމަލު ކުރެވޭނީ، އެއްބަސްވުމުގެ އަނެއް ބައިވެރިޔާ، އޭނާގެ މައްޗަށް ލާޒިމުވާ ކަމަކަށް ލުޔެއް ދީފިނަމައެވެ. ނުވަތަ އޭނާ ކޮންމެވެސް އެހެން ގޮތަކަށް ޢަމަލުކުރާން އެއްބަސްވެއްޖެ ނަމައެވެ. މީގެ އިތުރަށް އެއްބަސްވުމަކީ އެއްބަސްވުމުގެ ބައިވެރިންގެ މެދުގައި ކަންކަން ނިންމާ އަސާސްކަމުގައި ވީހިނދު، ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއަށް ލިބެންޖެހޭ ކުލި، ލިބިގަތުމުގެ ޙައްޤު ދޫކޮށްލިކަން ނުވަތަ ނޫންކަން ނުވަތަ އެ ޙައްޤު އެހެން ފަރާތަކާ ޙަވާލުކުރިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ރުޖޫޢަވާންޖެހޭނީ ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމަށް ކުރެވިފައިވާ އެއްބަސްވުމަށެވެ. މި ނުކުތާއާ ގުޅިގެން އެއްބަސްވުމަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.
އެއްބަސްވުމުގެ 09 ވަނަ މާއްދާގައި، "ތިރީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ކުއްޔަށް ހިފާ ފަރާތުން މިނިސްޓްރީއަށް ނުވަތަ މިނިސްޓްރީ އަންގާ ފަރާތަކަށް ރަށުގެ އަހަރީ ކުލި ދައްކަންވާނެއެވެ." މި ފަދައިން ބަޔާންކޮށްފައިވާކަން.
އެއްބަސްވުމުގެ 47.1 ވަނަ މާއްދާގައި، "އެއްބަސްވުން ބާޠިލުކުރުމާ ހަމައަށް، މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން މިނިސްޓްރީއަށް ދައްކަންޖެހި ނުދެއްކިވާ ކުލީގެ ފައިސާއާއި، ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަނައަޅާ ދިއުމުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާއާއި، މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން މިނިސްޓްރީއަށް ދައްކަންޖެހޭ އެހެން ފައިސާއެއްވާނަމަ، އެ ފައިސާ ދެއްކުމަށް ދަޢުވާކޮށް އެ ފައިސާ ލިބިގަތުން." މި ފަދައިން ބަޔާންކޮށްފައިވާކަން.
އެއްބަސްވުމުގެ 51 ވަނަ މާއްދާގައި، "ދެ ފަރާތުގެ ދެމެދުގައި މި އެއްބަސްވުމާ ބެހޭ ގޮތުން އުފެދޭ ޚިލާފުވުންތަކާއި މައްސަލަތައް ފުރަތަމަ ދެ ފަރާތުގެ މެދުގައި ވާހަކަ ދައްކައިގެން ޙައްލު ކުރުމަށް މިނިސްޓްރީއާއި ކުއްޔަށް ހިފާ ފަރާތް އެއްބަސްވެއެވެ. މި ގޮތުގެމަތިން އެ މައްސަލައެއް ޙައްލު ނުކުރެވިއްޖެނަމަ، އެ މައްސަލަ ޙައްލުކުރާނީ ކަމާބެހޭ ޝަރުޢީ ކޯޓަށް ހުށަހަޅައިގެންނެވެ." މި ފަދައިން ބަޔާންކޮށްފައިވާކަން.
އެއްބަސްވުމުގެ 54 ވަނަ މާއްދާގައި، "މިނިސްޓްރީއާއި ކުއްޔަށް ހިފާ ފަރާތުން ލިޔުމުން އެއްބަސްވެގެން މެނުވީ، މި އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފާ ފަރާތުން ނުވަތަ މިނިސްޓްރީއިން އަދާކުރަންޖެހޭ އެއްވެސް ޒިންމާއެއް ނުވަތަ އިލްތިޒާމެއް 'ވެއިވް' (އެ ޒިންމާއެއް ނުވަތަ އިލްތިޒާމެއް އަދާކުރަން ނުޖެހޭ ގޮތަށް ދޫކޮށްލުން) ނުކުރެވޭނެއެވެ." މިފަދައިން ބަޔާންކޮށްފައިވާކަން.
މަތީގައި ބަޔާންކުރެވުނު މާއްދާތަކަށް ބަލާއިރު، މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އެ މިނިސްޓްރީއިން އަންގާ ފަރާތަކަށް ކުލި ދެއްކުން ޙަވާލު ކުރެވިދާނެކަން އެއްބަސްވުމުގެ 09 ވަނަ މާއްދާއިން ސާފުކޮށް އެނގޭއިރު، އެ ފަދައިން އެ މިނިސްޓްރީއިން ބަލައި ގަންނަ ކުލި އެހެން ފަރާތަކަށް ދެއްކުމަށް އިސްތިއުނާފު ކުރާ ފަރާތަށް ލިޔުމުން އެންގިކަން މައްސަލައާ ގުޅިގެން ދެ ފަރާތުން ޝަރީޢަތަށް ހުށަހެޅި ލިޔެކިޔުންތަކާއި، ދެއްކި ވާހަކަތަކުން އެނގެން ނެތެވެ.
މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން އުފުލަންޖެހޭ އެހެނިހެން އިލްތިޒާމުތަކާއި ޒިންމާތައް، (އެއްބަސްވުމާ ގުޅިގެން މިނިސްޓްރީއަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށް ދަޢުވާ ކުރުމާއި، އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލަތައް ޙައްލު ކުރުން ހިމެނޭ ގޮތުން) އެ ޒިންމާއެއް ނުވަތަ އިލްތިޒާމެއް އަދާކުރަންނުޖެހޭ ގޮތަށް ދޫކޮށްލެވޭނީ އެއްބަސްވުމުގެ 54 ވަނަ މާއްދާގައިވާ ފަދައިން އެއްބަސްވުމުގެ ބައިވެރިން ލިޔުމުން އެއްބަސްވެގެންނެވެ. މީގެ އިތުރުން، ދެ ފަރާތުން އެއްބަސްވެފައިވާ، އެއްބަސްވުމުގެ 47.1 ވަނަ މާއްދާގައި ބަޔާންވެފައިވާ ފަދައިން އެއްބަސްވުމުގެ ދަށުން މިނިސްޓްރީއަށް ދައްކަންޖެހި ނުދެއްކިވާ ކުލީގެ ފައިސާއާއި، ފައިސާ ދައްކަންޖެހޭ މުއްދަތު ފަހަނައަޅާ ދިއުމުން ދައްކަންޖެހޭ ޖޫރިމަނާގެ ފައިސާއާއި މިނޫންވެސް އެއްބަސްވުމާ ގުޅިގެން އިސްތިއުނާފު ކުރާ ފަރާތުން ދައްކަންޖެހޭ ފައިސާއެއްވާނަމަ އެ ފައިސާ ދެއްކުމަށް ދަޢުވާކޮށް އެ ފައިސާ ލިބިގަތުމަށް މިނިސްޓްރީގެ މައްޗަށް އޮތް އިލްތިޒާމު، އެނޫން ގޮތަކަށް ބަދަލުކުރުމަށް އެއްބަސްވުމުގެ 54 ވަނަ މާއްދާގައިވާ އުސޫލުން އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާކަންވެސް ޝަރީޢަތަށް ހުށަހެޅުނު ލިޔެކިޔުންތަކުންނާއި، ދެކެވުނު ވާހަކަތަކުން އެނގެން ނެތެވެ.
ވުމާއެކު، ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން ދައުލަތަށް ލިބެންޖެހޭ ކުލި ހޯދުމާއި، އެއްބަސްވުމާ ގުޅިގެން އުފެދޭ މައްސަލަތައް ޙައްލުކުރުން ފަދަ ކަމެއް މިނިސްޓްރީ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއާ ޙަވާލުކުރުމަކީ ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއް ނަމަވެސް، ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމާ ގުޅިގެން ކުލި ހޯދުމަށް ދަޢުވާ ކުރުމުގެ ބާރު މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ އަށް ލިބިގެން ވާކަމަށް ޤާނޫނީ ގޮތުން ބަލާނެ ތަނެއް ނެތެވެ.
އަދި އެ އެއްބަސްވުމާ ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސްއިން ފުރިހަމަކުރަންޖެހޭ އިލްތިޒާމެއް ދޫކޮށްލުމުގެ ސަބަބުން، ދައުލަތުގެ އިދާރާއެއްގެ ހައިސިއްޔަތުން ނުވަތަ އެނޫންވެސް ހައިސިއްޔަތަކުން އެފަދަ އިލްތިޒާމެއް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އުފުލިކަމުގައި ނުވަތަ އުފުލަންޖެހޭނެ ކަމުގައި ބަލާނެ ޤާނޫނީ އުސޫލެއްވެސް ނެތެވެ. އަދި މިއީ ޤާނޫނު ނަންބަރު 03/2010 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ތަރަހައިގެ ތެރޭގައި މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޤާނޫނީ ގޮތުން ކުރެވިދާނެ ކަމެއްކަމުގައިވެސް އަހުރެން ނުދެކެވެ.
ސިވިލް ކޯޓުގައި ހުށަހަޅާފައި ނުވާ ނުކުތާތައް
ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމާ ގުޅިގެއް މައްސަލަތައް ފެންމަތިވެ، އެ ރަށް އިސްތިއުނާފު ކުރާ ފަރާތުން ވަކިނުކޮށް އަދި އެއްބަސްވުންވެސް ބާޠިލު ނުކޮށް އެއްބަސްވުން ބާޠިލު ކުރުމަށް މިނިސްޓްރީއަށް ލިބިގެންވާ ޙައްޤުގެ ބޭނުން ނުހިފައި ގިނަ ދުވަސްތަކެއް ހޭދަކުރުމަށްފަހު، އިސްތިއުނާފު ކުރާ ފަރާތަށް ނުއުފުލޭ ވަރުގެ ތަކުލީފެއް އުފުލަންޖެހޭ ގޮތަށް މި މައްސަލަ ސިވިލް ކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ކަމާއި، މި މައްސަލައިގައި ދައްކަންޖެހޭ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާ ހިސާބުކޮށްފައިވަނީ އެއްބަސްވުމާ އެއްގޮތަށް ނޫން ކަމަށްވެފައި އެ ކަމަށްވެސް ދެ މަރުޙަލާގެ ކޯޓުން ރިޢާޔަތް ކޮށްފައިނުވާ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު ގެ 12 ވަނަ މާއްދާގައި؛
"ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއްކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ"
މިފަދައިން ބަޔާންކޮށްފައި އޮންނަ އޮތުމަށް ބަލާއިރު، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މި މައްސަލައިގައި ދަޢުވާކުރެވޭ ކުލި ހޯދުމަށް ދަޢުވާ ކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ފަރާތެއް ނޫންކަމުގައިވާތީއާއި، މަތީގައި ބަޔާންކުރެވުނު ދެ ނުކުތާއަކީ މައްސަލައިގެ ވާޤިޢާތަކާމެދު ގޮތް ކަނޑައެޅޭ ދަށު ކޯޓުގެ މަރުޙަލާގައި ވާހަކަދެކެވި ޝަރީޢަތުން އެ ކަންކަމާމެދު ގޮތެއް ކަނޑައެޅިފައި ނުވާ ދެ ނުކުތާއަށްވުމުގެ އިތުރަށް އެކަންކަމަކީ ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދޫކުރުމުގެ އެއްބަސްވުމުގެ ބައިވެރިންނަށް އެ ކަންކަމާ ގުޅިގެން ޝަރީޢަތުގެ މަރުޙަލާގައި ހައްލު ހޯދިދާނެ ކަންކަމަށްވާތީ އެ ދެ ނުކުތާއާމެދު ގޮތެއް ކަނޑައެޅުމަށް ނުފެނެއެވެ.
ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވުމުގެ ނަތީޖާ
ކޯޓުތަކުން ދަޢުވާ ބަލައިގަތުމުގައި، ދަޢުވާ ކުރާ ފަރާތަކީ ދަޢުވާ ކުރުމުގެ މަސްލަހަތު އޮތުމުގެ އިތުރުން އެ ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ ފަރާތެއްކަން ނުވަތަ ނޫންކަން ބަލަންޖެހެއެވެ. މިއީ އިސްތިއުނާފީ މަރުޙަލާގެ ކޯޓުތަކުންވެސް މައްސަލަ ބަލައިގަތުމުގައި ރިޢާޔަތް ކުރަންޖެހޭ ކަމެކެވެ. ޤާނޫނީ ގޮތުން މައްސަލައެއްގައި ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާނަމަ، ޢާންމު އުސޫލެއްގެ ގޮތުން އެ ދަޢުވާ ކޯޓުތަކުން ކުރިއަށް ނުގެންދެވޭނެއެވެ.
ޓެކުހަށްނުވާ ފައިސާ ހޯދުމުގައި ޢަމަލުކުރާނެ ގޮތް ޤާނޫނު ނަންބަރު 2010/03 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގައި ބަޔާންވެފައިވެއެވެ. އެ ޤާނޫނުގެ ދަށުން އެފަދަ ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ހޯދޭނީ އެ ފައިސާއަކީ ޤާނޫނެއްގެ ދަށުން އެ އޮތޯރިޓީއަށް ދެއްކުމަށް ލާޒިމު ކޮށްފައިވާ ފައިސާއެއް ކަމުގައިވާނަމަ އެވެ.
ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދޫކުރުމާ ގުޅޭ އެއްބަސްވުން ހެދިފައިވަނީ ޤާނޫނު ނަންބަރު 98/20 (ދިވެހިރާއްޖޭގެ ފަޅުރަށްރަށާބެހޭ ޤާނޫނު) ގެ ދަށުން ކަމަށްވެފައި، އެ ޤާނޫނުގައި ކުއްޔަށް ދޫކުރެވޭ ރަށްރަށުން ލިބޭ ކުއްޔާއި، ކުލި ނުދެއްކުމުގެ ސަބަބުން ކުރެވޭ ޖޫރިމަނާއާއި އެހެނިހެން ފައިސާ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ދެއްކުން ލާޒިމްކޮށްފައި ނުވެއެވެ. އަދި މިނޫން ގޮތަކަށް އެއްބަސްވުމުގެ ބައިވެރިން އެއްބަސްވެފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުންނާއި، ދެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދެއްކި ވާހަކަތަކުން އެނގެން ނެތެވެ.
މި ޙާލަތުގައި ޤާނޫނުގައިވާ ގޮތުގެމަތިން ދަށު ކޯޓަށް މައްސަލަ ތަޙްވީލުކުރުމުގެ ތެރެއިން މައްސަލައަށް ފަރުވާއެއް ލިބިދާނެކަން ނުވަތަ ނޫންކަމަށް ބަލާއިރު، ޤާނޫނުގައިވާ ގޮތުގެމަތިން ތަޙްވީލު ކުރެވޭނީ އެ މައްސަލައިގައި ދަޢުވާ ކުރުމުގެ ޤާނޫނީ ހައިސިއްޔަތު ލިބިފައިވާ ދެ ފަރާތެއްގެ ދެމެދުގައި އޮތް ޚުޞޫމަތަކާ ގުޅިގެން ކުރެވިފައިވާ ޝަރީޢަތެއްގައި ކަންހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭކަމަށް ކަނޑައެޅޭ ހާލަތުގައެވެ. ދަޢުވާ ކުރުމުގެ ހައިސިއްޔަތު ލިބިފައި ނުވާ ފަރާތަކުން ދަޢުވާ ކުރުމުގެ ނަތީޖާއަކަށް ވެގެންދާނީ އެ ދަޢުވާއަކީ ޤާނޫނީ ގޮތުން ކުރެވޭނެ ދަޢުވާއެއް ނޫންކަމުގައި ކަނޑައެޅިގެން ދިއުމެވެ. ވުމާއެކު މި މައްސަލައިގައި ނ. ކަލައިދޫ އެވެކިޔާ ފަޅުރަށް ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ބައިވެރިންނަށް ޝަރުޢީ މަރުޙަލާތަކުން އެއްބަސްވުމާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލަ ހައްލު ކުރުމުގެ ފުރުސަތު އޮތްކަމުގައި ބަލަންޖެހެއެވެ.
ޓެކުހާއި، ޓެކުހާއި ގުޅުންހުރި ޖޫރިމަނާއާއި އެހެނިހެން ފައިސާ ފިޔަވައި ދައުލަތަށް ލިބެންޖެހޭ ފައިސާތައް ބަލައިގަތުމާއި، އެ ފައިސާތައް ހޯދުމަށް ޝަރުޢީ ކޯޓުތަކުގައި ދަޢުވާ ކުރުމަކީ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން އަދާކުރުމަށް ދައުލަތުން އެދޭ ޒިންމާއެއް ކަމުގައިވާނަމަ، އެކަން ކުރެވޭނީ ޤާނޫނު ނަންބަރު 2010/30 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ ކަމާބެހޭ މާއްދާތައް ބަދަލުކޮށްގެން ކަމުގައި ދެކެމެވެ.
އެހެނީ، ޤާނޫނީ ގޮތުން އުފެދިފައިވާ ޝަޚްޞަކަށް ޤާނޫނުން ލިބޭ ބާރުތައް ފިޔަވައި އިތުރު ބާރެއް ލިބިފައިވާކަމަށް ޤަބޫލުކޮށް އެކަމުގެ މައްޗަށް ކަންކަން ތަރުތީބުކުރުމަކީ ކޮށްގެންވާނޭ ކަމެއްނޫނެވެ. އަދި އެއީ އެކަމުގެ މައްޗަށް ޤާނޫނީ އެއްވެސް ބާރެއް ނުވަތަ ބުރަދަނެއް ލިބޭނެ ކަމެއްވެސް ނޫނެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި އިސްތިއުނާފުކުރުމަށް ހުށަހަޅާފައިވާ ނުކުތާތަކަކީ މައިގަނޑު ގޮތެއްގައި، މި ކޯޓުގެ ނަންބަރު 2014/SC-A/41 (މޫސާ ނަސީރު ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ގަޒިއްޔާއާއި އަދި ނަންބަރު 2014/SC-A/12 (ޒުލައިޚާ ހަފީޒާ ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ) ގަޒިއްޔާގައިވެސް ހުށަހަޅާފައިވާ ނުކުތާތަކާ ދާދި އެއް ނުކުތާތަކެއް ކަމުން، އަދި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔުގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، ސުޕްރީމް ކޯޓުން މިހާރު ގޮތް ކަނޑައެޅިފައިވާ ކަންކަން ކަމުގައިވާތީ، މި މައްސަލަ ނިންމުމުގައި ނެރެވޭ ނަތީޖާއަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 1973/Cv-C/2011 ޤަޟިއްޔާއަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ ކަމާބެހޭ ޤާނޫނުގެ ހަމަތަކާ އެއްގޮތަށް ކަމަށް ނުފެންނާތީވެ، މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/319 ޤަޟިއްޔާގެ ޙުކުމް ބާޠިލު ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދުނާން ޢާއިޝާ ޝުޖޫން މުޙައްމަދު (ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.