އަޙްމަދު ޝިޔާޛް، ޙުސައިން ޢަލީދީދީ އަދި މޫސާ މުޙައްމަދު ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2015/HC-A/347، 2015/HC-A/321، 107/VTR/2014
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ޓްރައިބިއުނަލުން 107/VTR/2014 ގައި ވަކިކުރުން ޤާނޫނާ ޚިލާފު ކަމަށް ނިންމައި ބަދަލު ދިނުމަށް އަމުރުކުރި. ދެފަރާތުން ވަކިވަކިން އިސްތިއުނާފުކުރުމުން ހައިކޯޓުން 2015/HC-A/321 ގައި ވަކިކުރުން ޤާނޫނާ އެއްގޮތް ކަމަށް ނިންމި؛ 2015/HC-A/347 ގައި އިތުރު ގޮތެއް ނުނިންމި.
- ވާޤިޢާ
- ތިން މުވައްޒަފުން ރިސޯޓެއްގައި އެއްވުމެއް ބޭއްވި ކަމަށް ބުނެ ވަޒީފާއިން ވަކިކުރި. ޓްރައިބިއުނަލުން ވަކިކުރުމުގައި ޢަދުލުވެރިކަން ޤާއިމުނުކުރާ ކަމަށް ނިންމި ނަމަވެސް، ވަޒީފާއަށް ރުޖޫޢަ ނުކޮށް ބަދަލު ދިނުމަށް އަމުރުކުރި. ހައިކޯޓުގެ 2015/HC-A/321 ގެ ޙުކުމް މުވައްޒަފުން އިސްތިއުނާފު ނުކުރުމުން ނިހާއީވި.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ވަޒީފާއިން ވަކިކުރުމަކީ ޤާނޫނާ އެއްގޮތަށް ކުރި ކަމެއް ކަމަށް ހައިކޯޓުގެ އެހެން ގަޒިއްޔާއެއްގައި ކަނޑައަޅައި އެ ޙުކުމް ނިހާއީވެފައިވާއިރު، ވަޒީފާއަށް ރުޖޫޢަކުރުމަށް އެދި ހަމަ އެ ޓްރައިބިއުނަލުގެ ނިންމުމުން ހުށަހެޅި އިސްތިއުނާފުގައި ނުކުތާ ބަލައި ގޮތެއް ނުކަނޑައަޅައި ހައިކޯޓުން ނިންމުމަކީ ޤާނޫނާ އެއްގޮތަށް ކުރި ނިންމުމެއްތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތްތަކުން ބުނީ 2015/HC-A/347 ގައި އެ ފަރާތްތަކުގެ ނުކުތާތަކަށް ހައިކޯޓުން ނުބަލާތީ މައްސަލަ އަލުން ބެލުމަށް ތަޙުވީލުކުރަން ޖެހޭ ކަމަށެވެ. އަދި އިސްތިއުނާފުގެ ކަންތައް ނޭނގޭތީ 2015/HC-A/321 އިސްތިއުނާފު ނުކުރި ކަމަށް ބުނެ، މުއްދަތު ހަމަވެފައިވާ އެ ޙުކުމް އިސްތިއުނާފުކުރެވޭނެ ގޮތެއް ހަދައިދިނުމަށް އެދުނެވެ.
- ކޯޓުގެ ސަބަބުތައް
- 2015/HC-A/321 ގައި ވަކިކުރުން ޤާނޫނާ އެއްގޮތް ކަމަށް ނިންމައި އެ ޙުކުމް ނިހާއީވެފައިވާތީ، ރުޖޫޢަކުރުމުގެ ނުކުތާގައި ގޮތެއް ކަނޑައަޅާނެ ތަނެއް ނެތް ކަމާއި ތަޙުވީލުކުރުމުގެ ބޭނުމެއް ނެތް ކަމަށް ކޯޓުން ނިންމިއެވެ. އަދި އެއް ނިންމުމަކާ ގުޅިގެން ގިނަ އިސްތިއުނާފު ހުށަހެޅޭނަމަ، ހުރިހާ އިސްތިއުނާފެއް ބަލަންވާނީ ފުރަތަމަ ހުށަހެޅޭ ގަޒިއްޔާގެ ތެރޭގައި ކަމަށް ކަނޑައެޅިއެވެ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ 2015/HC-A/347 ގެ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި އެ ޙުކުމް ޤާއިމްކުރި (ފަނޑިޔާރުންގެ އިއްތިފާޤުން). ހައިކޯޓުގެ 2015/HC-A/321 ގެ ޙުކުމް އިސްތިއުނާފު ނުކުރުމުން ނިހާއީވެފައިވާތީ މައްސަލަ ހައިކޯޓަށް ތަޙުވީލުކުރުމަށް އެދުނު އެދުން ޤަބޫލުނުކުރި. އަދި ދަށު ކޯޓެއްގެ ނުވަތަ ޓްރައިބިއުނަލެއްގެ ނިންމުމަކާ ގުޅިގެން އެއް އިސްތިއުނާފަށްވުރެ ގިނަ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅޭ ހާލަތުގައި ޢަމަލުކުރާނެ ގޮތް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ހައިކޯޓުގެ ގަޒިއްޔާއެއްގައި ޓްރައިބިއުނަލްގެ މުޅި ނިންމުން ބަދަލުކޮށް ގޮތެއް ކަނޑައަޅާފައި އޮތުމުން، ހަމަ އެ ނިންމުމާ ގުޅިގެން ހުށަހެޅުނު އަނެއް ގަޒިއްޔާގައި ހުށަހެޅުނު ނުކުތާގައި ގޮތެއް ކަނޑައަޅާނެ ތަނެއް ނެތެވެ. އެ ގަޒިއްޔާއަކީ އިސްތިއުނާފު ކޮށްފައި ނެތުމުގެ ސަބަބުން ފައިސަލާކުރަނިވި ހުކުމަކަށް ވެފައިވާތީ، މައްސަލަ ހައިކޯޓަށް ތަހުވީލުކުރުމުގެ ބޭނުމެއް ނެތެވެ.
HN2 މައްސަލައެއް ނިމޭގޮތާމެދު އެ މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކުން އެދޭގޮތަކަށް ނުވެ ހިނގައިދާނެއެވެ. އަދި އެއިން ކޮންމެ ފަރާތެއްގެ ނަޒަރުގައި އެ މައްސަލަ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ފެންނަނަމަ އެކަމެއް އިސްތިއުނާފު ކުރުމުގެ ހައްގު އެއިން ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ. އެހެންކަމުން ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކާ ގުޅިގެން އެ މައްސަލައިގައި ހިމެނުނު ކޮންމެ ޚަސްމަކުވެސް ހައިކޯޓަށް އެ ޚަސްމަކު ހިތްހަމަނުޖެހޭ ކަމެއް ހުށަހަޅާ ހާލަތުގައި ދަށު ކޯޓުގައި ހިނގި ގަޒިއްޔާއާ ގުޅިގެން އެއް އިސްތިއުނާފަށް ވުރެ ގިނަ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅޭނެއެވެ.
HN3 ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކާ ގުޅިގެން އެއް އިސްތިއުނާފަށްވުރެ ގިނަ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއްޖެ ނަމަ އެ އިސްތިއުނާފުގެ ހުރިހާ މައްސަލަތަކެއް ބަލަންވާނީ އޭގެ ތެރެއިން ފުރަތަމައަށް ހުށަހެޅޭ އިސްތިއުނާފުގެ ގަޒިއްޔާގެ ތެރޭގައެވެ. އަދި އެ މައްސަލައެއްގައި އިސްތިއުނާފުކުރާ ފަރާތް ކަމަށް ބަލަންވާނީ ފުރަތަމައަށް އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅި ޚަސްމެވެ. ފަހުން އިސްތިއުނާފުކުރާ ފަރާތަކީ ނުވަތަ ފަރާތްތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތް/ތަކެވެ.
HN4 އެ ގަޒިއްޔާ ހިނގަމުން ދަނިކޮށް ފުރަތަމަ އިސްތިއުނާފުކުރި ފަރާތުން އެ ފަރާތުން ހުށަހެޅި އިސްތިއުނާފު އަނބުރާ ގެންދަން ނިންމައިފިނަމަ، ދެން އެ ގަޒިއްޔާގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފު/ތައް ކުރިއަށް ގެންދިއުމަށް ބޭނުންނަމަ އެ ފަރާތް/ތަކުގެ އިސްތިއުނާފު/ތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަންވާނެއެވެ.
HN5 ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލައިގައި ހިމެނޭ ޚަސްމުންގެ ފަރާތުން ހަމަ އެ ޚުސޫމަތާ ނުވަތަ އެ ކަމާބެހޭ ނުވަތަ މައުޟޫއާގުޅޭ އެހެން މައްސަލައެއް އެ ކޯޓަށް ހުށަހަޅައިފިނަމަ ހުރިހާ މައްސަލަތަކެއް ބަލަންވާނީ އެއް ފަނޑިޔާރެކެވެ. އަދި އެ މައްސަލަތަކަށް ވަކި ގަޒިއްޔާ ނަންބަރުތަކެއް ދިން ނަމަވެސް، ހުރިހާ މައްސަލައެއް އެކުއެކީގައި ނިންމައި އެ މައްސަލަތައް ނިންމުމަށްޓަކައި ލިޔާނީ އެއް ރިޕޯޓެކެވެ. އަދި އެ ރިޕޯޓުގައި ހުރިހާ ގަޒިއްޔާތަކުގެ ނަންބަރުތައް ހިމަނަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޢަލީ ރަޝީދު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ކޯޓުން ޕެރެގްރާފް ނަންބަރު ޖަހާފައި ނުވާތީ، [ ] ތެރޭގައިވާ ނަންބަރުތައް ޖަހާފައިވަނީ ސަޢީދު ލެކްސް އިން.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2018/SC-A/31
އިސްތިއުނާފު ކުރާ ފަރާތް:
އަޙްމަދު ޝިޔާޛް، ފައިވް ރޯސަސް، ސ. ހުޅުދޫ
ޙުސައިން ޢަލީދީދީ، މާލެގަން. ސަމާނާ، ޏ. ފުވައްމުލައް
މޫސާ މުޙައްމަދު، ދަނޑިމަގު. މާއޮޅު، ޏ. ފުވައްމުލައްއިސްތިއުނާފު ރައްދުވާ ފަރާތް:
ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
މައްސަލައިގެ ބާވަތް:
ވަޒީފާއާބެހޭ
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
21 ފެބްރުއަރީ 2018ރަޖިސްޓްރީ ކުރެވުނު ތާރީޚު:
12 ޖުލައި 2018ނިމުނު ތާރީޚު:
24 ނޮވެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2015/HC-A/347
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
25 އޮކްޓޯބަރ 2015ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
22 ނޮވެމްބަރ 2017
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)
ތަޢާރުފު
[1]މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާ އެ ކޯޓުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ސ. ހުޅުދޫ، ފައިވް ރޯސަސް، އަޙްމަދް ޝިޔާޛް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A114429) އާއި ޏ. ފުވައްމުލައް، މާލެގަން. ސަމާނާ، ޙުސައިން ޢަލީދީދީ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A151097) އާއި ޏ. ފުވައްމުލައް، ދަނޑިމަގު. މާއޮޅު، މޫސާ މުޙައްމަދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A025348) (މީގެ ފަހުން މި އެންމެންނަށް "އިސްތިއުނާފުކުރާ ފަރާތްތައް" މިގޮތަށް ހަވާލާދީފައިވާ) ބުނެ އެ ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެކެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރީ ނަންބަރު C-966/2008) އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
[2]ސ. ހުޅުދޫ، ފައިވް ރޯސަސް، އަޙްމަދް ޝިޔާޛް އާއި ޏ. ފުވައްމުލައް، މާލެގަން. ސަމާނާ، ޙުސައިން ޢަލީދީދީ އާއި ޏ. ފުވައްމުލައް، ދަނޑިމަގު. މާއޮޅު، މޫސާ މުޙައްމަދު (މީގެ ފަހުން މި އެންމެންނަށް "އިސްތިއުނާފުކުރާ ފަރާތްތައް" މިގޮތަށް ހަވާލާދީފައިވޭ) ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިޒޯޓް އެންޑް ސްޕާގައި ވަޒީފާ އަދާކުރަމުން ގެންދަނިކޮށް ވަޒީފާއިން ވަކިކޮށްފައިވެއެވެ.
[3]ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާ ގެއްލިފައިވާ ދުވަސްތަކުގެ މުސާރައާއި އެލަވަންސްތަކާއި، ކުރިން އަދާކުރަމުން ދިޔަ ވަޒީފާ ހޯދައިދިނުމަށް އެދި އިސްތިއުނާފުކުރާ ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލް (މީގެ ފަހުން 'ޓްރައިބިއުނަލް') އަށް މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ ޓްރައިބިއުނަލުން ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2014 މައްސަލައިގެ ގޮތުގައެވެ.
[4]ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2014 މައްސަލައިގައި ޓްރައިބިއުނަލުން ނިންމާފައިވަނީ މައްސަލަ ހުށަހެޅި ފަރާތްތައް ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑްގެ ޝެރަޓަން މޯލްޑިވްސް ފުލްމޫން ރިސޯޓް އެންޑް ސްޕާގައި ވަޒީފާ އަދާކުރަމުން ދަނިކޮށް އެއްވުމެއް ބޭއްވިކަމަށް ބުނެ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްނޫންކަމާއި، މައްސަލަ ހުށަހެޅި ފަރާތްތަކުން ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަންވެސް ގާއިމުކޮށްފައި ނުވާ ކަމަށާއި، އެހެންކަމުން މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނޫ) ގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާފަދަ ހާލަތެއް މެދުވެރިވެގެން ނޫން ކަމަށެވެ.
[5]ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުމުގައި އިތުރަށް ބުނެފައިވަނީ، މައްސަލަ ހުށަހެޅި އަޙްމަދު ޝިޔާޛް، ޙުސައިން ޢަލީދީދީ އަދި މޫސާ މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް، މައުޟޫއީ އަދުލުވެރިކަމާ އަދި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށްވީ ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތްތަކުގެ އަމަލުތައް ހުރިގޮތަށް ބަލާއިރު، ވަޒީފާއިން ވަކިކުރުމުގައި މައްސަލަ ހުށަހެޅި ފަރާތްތަކުގެ އިހުމާލުވުންތަކެއް އޮތްކަމަށް ގަބޫލުކުރެވޭތީ، މައްސަލަ ހުށަހެޅި ފަރާތްތަކަށް އަލުން އަނބުރާ ވަޒީފާދިނުމަށް އެންގުމަކީ އެންމެ އަދުލުވެރިގޮތްކަމުގައި ނުފެންނާތީ، މައްސަލަ ހުށަހެޅި އަޙްމަދު ޝިޔާޛް، ޙުސައިން ޢަލީދީދީ އަދި މޫސާ މުޙައްމަދު ކުރިން އަދާކުރަމުންގެންދިޔަ ވަޒީފާއަށް ރުޖޫއަކުރުމަށް އަމުރުކުރެވެން ނެތް ކަމަށެވެ. ނަމަވެސް، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) އަށް ރިއާޔަތްކޮށް، އެކަމުގެ ބަދަލުގެ ގޮތުގައި އަޙްމަދު ޝިޔާޛްއަށް 19,059.12 (ނަވާރަހާސް ފަންސާސް ނުވައެއް ރުފިޔާ ބާރަ ލާރި) އާއި، މައްސަލަ ހުށަހެޅި ޙުސައިން ޢަލީދީދީއަށް 11,426.11 (އެގާރަހާސް ހަތަރުސަތޭކަ ސައްބީސް ރުފިޔާ އެގާރަ ލާރި) އާއި، މައްސަލަ ހުށަހެޅި މޫސާ މުޙައްމަދުއަށް 20,955.78 (ވިހިހާސް ނުވަސަތޭކަ ފަންސާސް ފަހެއް ރުފިޔާ ހަތްދިހަ އަށް ލާރި) ދިނުމަށް ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑަށް ޓްރައިބިއުނަލުން އަމުރުކުރިއެވެ.
[6]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2014މައްސަލައިގައި އިސްތިއުނާފުކުރާ ތިން މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނުގެ ދަށުން މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުނުކޮށް ކަމަށް ޓްރައިބިއުނަލަށް ސާބިތުވީ ނަމަވެސް އެމީހުން ކުރިން އަދާކުރަމުން ގެންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކޮށްފައި ނުވާތީ އެ ނިންމުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ، އިސްތިއުނާފުކުރާ ތިން މީހުންގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއެވެ. ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާގައެވެ.
[7]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2014މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ވެސް ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2014މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ 2015/HC-A/321 ނަންބަރު ގަޒިއްޔާގައެވެ. ހައިކޯޓުގެ ނަންބަރު 2015/HC-A/321 ގަޒިއްޔާގައި ހައިކޯޓުން ހުކުމްކޮށްފައިވަނީ އިސްތިއުނާފުކުރާ ތިން މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިކަމަށް ހައިކޯޓަށް ސާބިތުވާތީ، އެ މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތަށް ކަމަށެވެ. މި ހުކުމް ހައިކޯޓުން މިގޮތަށް ކުރުމުން މި ތިން މުވައްޒަފުންގެ ފަރާތުން އެ ހުކުމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައި ނެތުމުން ހައިކޯޓުގެ އެ ހުކުމަކީ ނިހާއީ ހުކުމަކަށްވެފައިވެއެވެ.
[8]ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2014މައްސަލަ ޓްރައިބިއުނަލުން ނިންމިއިރު އެ ނިންމުމުގައި އެ ތިން މީހުން ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަށް އަމުރުކޮށްފައި ނުވާތީވެ އެ ނުކުތާ އިސްތިއުނާފުކުރާ ތިން މުވައްޒަފުން ގެ ފަރާތުން ހައިކޯޓަށް ހުށަހަޅައިގެން ހައިކޯޓުގައި ބެލެވުނު އެ ކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2014 މައްސަލަ އިސްތިއުނާފު ކުރުމަށް އަޙްމަދު ޝިޔާޛްއާއި ޙުސައިން ޢަލީދީދީއާއި މޫސާ މުޙައްމަދުގެ ފަރާތުން ހުށަހެޅި މައްސަލައިގައި އެ ފަރާތްތަކުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2014 މައްސަލައިގައި އެ ފަރާތްތައް އަދާކުރަމުން ދިޔަ ވަޒީފާއަށް އަލުން އަނބުރާ ރުޖޫއަކުރަން އަމުރުކޮށްފައިނުވާތީ އެ ކަނޑައަޅުއްވުމަކީ ޤާނޫނީ އަދި ޝަރުޢީ އުޞޫލުތަކާ ޚިލާފަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ބުނެ އެ ނިންމެވުން ބާޠިލްކުރަންކަން އެނގެން އޮންނައިރު، ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/321 ގަޒިއްޔާއިން ކޮށްފައިވާ ހުކުމުގައި، އެ ފަރާތްތަކުން އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ކަށަވަރުކުރުމަށްފަހުގައި ކަމަށް ކަނޑައަޅާފައިކަން އެނގެން އޮތުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 107/VTR/2014މައްސަލަ އިސްތިއުނާފު ކުރުމަށް އަޙްމަދު ޝިޔާޛްއާއި ޙުސައިން ޢަލީދީދީއާއި މޫސާ މުޙައްމަދުގެ ފަރާތުން ހުށަހަޅާފައިވާ މި މައްސަލައިގައި އިތުރު ގޮތެއް ނިންމަންޖެހޭނެކަމަށް ބެލެވެންނެތްކަމެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާ
[9]ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އިސްތިއުނާފުކުރާ ތިން މީހުން ހުށަހެޅި ހުށަހެޅުމުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އެ ފަރާތްތަކުން ހުށަހެޅި ނުކުތާތަކާއި ހުށަހެޅި ލިޔެކިޔުންތަކަށް ބަލާފައި ނުވާ ކަމަށެވެ. އެހެންކަމުން އެ ފަރާތްތަކުން ސުޕްރީމް ކޯޓުގައި އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާއިން ބެލި މައްސަލަ މައުޟޫއީގޮތުން ހައިކޯޓުން ބަލާފައި ނުވާތީ އެ މައްސަލަ މައުޟޫއީގޮތުން އަލުން ބެލުމަށް ހައިކޯޓުގެ މައްޗަށް އަމުރުކޮށް މި މައްސަލަ އަލުން ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކޮށް ދިނުމަށެވެ.
[10]މި މައްސަލަ އިސްތިއުނާފު ކޮށްފައިވާ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ހުށަހެޅުމަށް ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާގައި އިސްތިއުނާފުކުރި ފަރާތްތަކުން ހައިކޯޓަށް ހުށަހެޅި ނުކުތާ ކަމުގައިވާ، ވަޒީފާ ރުޖޫއަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފައި ނެތުމަކީ ގާނޫނާ އެއްގޮތަށް ޓްރައިބިއުނަލުން ނިންމި ނިންމުމެއް ނޫންކަމަށް ބުނެ ހުށަހެޅި ނުކުތާ ހައިކޯޓުން ބަލައި ގޮތެއް ކަނޑައަޅާފައި ނުވަނީ އެ ކޯޓުން އޭގެ ކުރިން ނިންމާފައިވާ އެ ކޯޓުގެ 2015/HC-A/321 ނަންބަރު ގަޒިއްޔާގައި ޓްރައިބިއުނަލްގެ މުޅި ނިންމުން ބަދަލުކޮށް އިސްތިއުނާފުކުރާ ތިން މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ކަމަށް ހައިކޯޓަށް ސާބިތުވާތީވެ އެ ގަޒިއްޔާގައި އެގޮތަށް ކަނޑައަޅާފައި އޮތުމުން، ހައިކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާގައި ހުށަހެޅުނު ނުކުތާގައި ގޮތެއް ކަނޑައަޅާނެ ތަނެއް ނެތުމުން ކަން ސާފުކޮށް ހައިކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައި ވެއެވެ. ކުރިންވެސް ބަޔާންކުރި ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުގެ 2015/HC-A/321 ނަންބަރު ގަޒިއްޔާއަކީ އެ މައްސަލަ އިސްތިއުނާފު ކޮށްފައި ނެތުމުގެ ސަބަބުން ފައިސަލާކުރަނިވި ހުކުމަކަށް ވެފައިވާތީ، ސުޕްރީމް ކޯޓުގެ މި ގަޒިއްޔާގައި އިސްތިއުނާފުކުރި ފަރާތްތަކުން އެދިފައިވާ ގޮތުގެމަތިން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމުގެ ބޭނުމެއް ނެތެވެ.
[11]މަތީގައިވާ ސަބަބުތައް އެހެން ހުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ކަމަށް ގަބޫލުކުރެވެއެވެ.
[12]މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވުނު ޝަރީއަތުގެ މަޖިލީހުގައި އިސްތިއުނާފުކުރާ ފަރާތްތަކުން ބުނެފައިވަނީ ހައިކޯޓުގެ ނަންބަރު 2015/HC-A/321ގަޒިއްޔާގައި އިސްތިއުނާފުކުރާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިވާ ކަމަށް ނިންމައި ހައިކޯޓުން ގޮތެއް ކަނޑައަޅާފައިވާތީ އާއި ހައިކޯޓުގެ ނަންބަރު 2015/HC-A/321 ގަޒިއްޔާ އެ ފަރާތްތަކުން އިސްތިއުނާފުގެ މުއްދަތުގެ ތެރޭގައި ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައި ނެތުމުން އެ ގަޒިއްޔާއިން ނިންމާފައިވާ ކަންކަމަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/347 ގަޒިއްޔާގައި ބަލާފައިވާ ނުކުތާ އަލުން ބެލުމަށް ހައިކޯޓަށް ތަހުވީލުކުރެވުނަސް ބެލޭނެ ނުކުތާއެއް ނޫންކަމަށް ގަބޫލުކުރާ ކަމަށެވެ. އިތުރަށް އެ ފަރާތުން ބުނެފައިވަނީ ހައިކޯޓުގެ ނަންބަރު2015/HC-A/321 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް އެ ފަރާތްތަކުން ސުޕްރީމް ކޯޓަށް ހުށަހަޅާފައި ނުވަނީ އިސްތިއުނާފުގެ ކަންތައްތައް އޮންނަ ގޮތް ނޭނގޭތީ ކަމަށާއި އެހެންކަމުން އިސްތިއުނާފުކުރާ ފަރާތްތަކުން އެދިފައިވަނީ ހައިކޯޓުގެ ނަންބަރު 2015/HC-A/321 ގަޒިއްޔާ އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވެފައިވާތީ، އެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ގޮތެއް ހަދައި ދިނުމަށެވެ.
[13]މައްސަލައެއް ނިމޭގޮތާމެދު އެ މައްސަލައެއްގައި ހިމެނޭ ހުރިހާ ފަރާތްތަކުން އެދޭގޮތަކަށް ނުވެ ހިނގައިދާނެއެވެ. އަދި އެއިން ކޮންމެ ފަރާތެއްގެ ނަޒަރުގައި އެ މައްސަލަ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ފެންނަނަމަ އެކަމެއް އިސްތިއުނާފު ކުރުމުގެ ހައްގު އެއިން ކޮންމެ ފަރާތަކަށް ލިބިގެންވެއެވެ. އެހެންކަމުން ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކާ ގުޅިގެން އެ މައްސަލައިގައި ހިމެނުނު ކޮންމެ ޚަސްމަކުވެސް ހައިކޯޓަށް އެ ޚަސްމަކު ހިތްހަމަނުޖެހޭ ކަމެއް ހުށަހަޅާ ހާލަތުގައި ދަށު ކޯޓުގައި ހިނގި ގަޒިއްޔާއާ ގުޅިގެން އެއް އިސްތިއުނާފަށް ވުރެ ގިނަ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅޭނެއެވެ. ނަމަވެސް ދަށު ކޯޓުގައި ނުވަތަ ޓްރައިބިއުނަލްގައި ހިނގި މައްސަލައާ ގުޅިގެން އެއް އިސްތިއުނާފަށްވުރެ ގިނަ އިސްތިއުނާފު ހައިކޯޓަށް ހުށަހެޅުމުން އެއިން ކޮންމެ އިސްތިއުނާފެއް ދިވެހިރާއްޖޭގެ ހައިކޯޓުން ވަކިވަކި ނަންބަރު ދީފައިވާ ވަކިވަކި ގަޒިއްޔާތަކެއްގައި ހިންގުމުގެ ސަބަބުން އަދި ބައެއް ފަހަރު އެ ގަޒިއްޔާތައް ފަނޑިޔާރުންގެ ތަފާތު ބެންޗުތަކުން ބެލުމުން، މި މައްސަލައިގައި ކަންވެފައިވާ ގޮތަށް، ބައެއް ފަހަރު އަދުލު އިންސާފަށް ހުރަސް އެޅެއެވެ. އެހެންކަމުން، ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލަކުން ނިންމާ ނިންމުމަކާ ގުޅިގެން އެއް އިސްތިއުނާފަށްވުރެ ގިނަ އިސްތިއުނާފު ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިއްޖެ ނަމަ އެ އިސްތިއުނާފުގެ ހުރިހާ މައްސަލަތަކެއް ބަލަންވާނީ އޭގެ ތެރެއިން ފުރަތަމައަށް ހުށަހެޅޭ އިސްތިއުނާފުގެ ގަޒިއްޔާގެ ތެރޭގައެވެ. އަދި އެ މައްސަލައެއްގައި އިސްތިއުނާފުކުރާ ފަރާތް ކަމަށް ބަލަންވާނީ ފުރަތަމައަށް އިސްތިއުނާފު ފޯމު ހައިކޯޓަށް ހުށަހެޅި ޚަސްމެވެ. ފަހުން އިސްތިއުނާފުކުރާ ފަރާތަކީ ނުވަތަ ފަރާތްތަކަކީ އިސްތިއުނާފު ރައްދުވާ ފަރާތް/ތަކެވެ. އެ ގަޒިއްޔާ ހިނގަމުން ދަނިކޮށް ފުރަތަމަ އިސްތިއުނާފުކުރި ފަރާތުން އެ ފަރާތުން ހުށަހެޅި އިސްތިއުނާފު އަނބުރާ ގެންދަން ނިންމައިފިނަމަ، ދެން އެ ގަޒިއްޔާގައި ހިމެނޭ ފަރާތްތަކުން ހުށަހަޅާފައިވާ އިސްތިއުނާފު/ތައް ކުރިއަށް ގެންދިއުމަށް ބޭނުންނަމަ އެ ފަރާތް/ތަކުގެ އިސްތިއުނާފު/ތައް ހުއްޓުމެއްނެތި ކުރިއަށް ގެންދަންވާނެއެވެ. ސިވިލް ކޯޓަށާއި ފެމިލީ ކޯޓަށް މައްސަލައެއް ހުށަހެޅިފައިވަނިކޮށް، އެ މައްސަލައިގައި ހިމެނޭ ޚަސްމުންގެ ފަރާތުން ހަމަ އެ ޚުސޫމަތާ ނުވަތަ އެ ކަމާބެހޭ ނުވަތަ މައުޟޫއާގުޅޭ އެހެން މައްސަލައެއް އެ ކޯޓަށް ހުށަހަޅައިފިނަމަ ހުރިހާ މައްސަލަތަކެއް ބަލަންވާނީ އެއް ފަނޑިޔާރެކެވެ. އަދި އެ މައްސަލަތަކަށް ވަކި ގަޒިއްޔާ ނަންބަރުތަކެއް ދިން ނަމަވެސް، ހުރިހާ މައްސަލައެއް އެކުއެކީގައި ނިންމައި އެ މައްސަލަތައް ނިންމުމަށްޓަކައި ލިޔާނީ އެއް ރިޕޯޓެކެވެ. އަދި އެ ރިޕޯޓުގައި ހުރިހާ ގަޒިއްޔާތަކުގެ ނަންބަރުތައް ހިމަނަންވާނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
[14]މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
[15]މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
[16]ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/347 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދު (ރިޔާސަތު)
މަޙާޒު ޢަލީ ޒާހިރު
ޢަލީ ރަޝީދު ޙުސައިން
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ރ)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.