ރިޗްކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ދެ މައްސަލައިގައިވެސް، ބިމާ ގުޅޭ މައްސަލައަކަށްވާތީ އިޚްތިޞާޞް އ. މަތިވެރީ މެޖިސްޓްރޭޓް ކޯޓަށްކަމަށް ބުނެ، ރައްދުވާ ފަރާތުގެ ބަހެއް ނުހޯދައި މައްސަލަ ނިންމިއެވެ.
- ވާޤިޢާ
- ރިޗްކްލަބްގެ ފަރާތުން އއ. މަތިވެރީގައި ހުރި ދެ ބިމެއް ކުއްޔަށް ދިނުމުގެ ލީޒް އެގްރީމެންޓްތައް ބާޠިލުކުރާ ޓަރމިނޭޝަން ނޯޓިސް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުން ފޮނުވުމާ ގުޅިގެން، ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރަށް އެދި ސިވިލް ކޯޓަށް ދެ މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރަށް އެދި ހުށަހެޅި މައްސަލައެއް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ނެތްކަމަށް، އަމުރު ރައްދުވާ ފަރާތުގެ ބަހެއް ނުހޯދައި ނިންމުމަކީ ރަނގަޅު ނިންމުމެއްތޯ؟
- ޚަޞްމުންގެ ހުށަހެޅުންތައް
- ރިޗްކްލަބްގެ ފަރާތުން ބުނީ، އެދޭ ފަރުވާތަކަކީ އެއްބަސްވުމުގެ ދަށުން ލިބިފައިވާ ޙައްޤުތައް ދެމެހެއްޓުމާ ގުޅޭ ފަރުވާތަކެއްކަމާއި، ކުރިން އ. މަތިވެރީ މެޖިސްޓްރޭޓް ކޯޓުގައި ހިނގި މައްސަލައަކީ އެހެން ފަރާތްތަކާ ބެހޭ މައްސަލައެއްކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތެވެ.
- ކޯޓުގެ ސަބަބުތައް
- ex parte ވަގުތީ އަމުރަކީ ތަބީޢީ އިންސާފުގެ އިސްތިސްނާއެއްކަމާއި، އިޚްތިޞާޞާމެދު ސުވާލު އުފެދޭނަމަ އިޚްތިޞާޞް ކަނޑައެޅުމުގެ ކުރިން ރައްދުވާ ފަރާތުގެވެސް ބަހެއް ހޯދަންވާނެއެވެ. ހައިކޯޓުން އެކަން ކުރިނަމަ ރައްދުވާ ފަރާތަށް ފުރަތަމަ މަރުޙަލާގައި ބަސްބުނުގެ ފުރުޞަތު ގެއްލޭނެތީ، ސިވިލް ކޯޓުގެ ނިންމުންތައް ބާޠިލުކޮށް އަލުން ބެލުމަށް ތަޙްވީލުކުރެވުނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ސިވިލް ކޯޓު 2769-CVC-2025
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުސިވިލް ކޯޓުގެ ދެ ނިންމުން ބާޠިލުކޮށް، ރައްދުވާ ފަރާތުގެ ބަހެއް ހޯދައިގެން އިޚްތިޞާޞާމެދު އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙްވީލު
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، އެއީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަމުގައި ވާނަމައެވެ. ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ވާނަމައެވެ. (ޕެރ. 53)
ޚަޞްމެއްގެ ޣައިރު ޙާޟިރުގައި ނެރޭ ex parte ވަގުތީ އަމުރުތަކަކީ، މައްސަލައެއްގައި ހިމެނޭ ދެފަރާތުގެ ބަސް އިވުމުގެ ޙައްޤު ލިބިދޭ "ތަބީޢީ އިންސާފު" (natural justice) ގެ އަސާސީ އުޞޫލަށް އޮތް އިސްތިސްނާއެކެވެ. (ޕެރ. 54)
ޢާންމު އުޞޫލެއްގެ ގޮތުން، ex parte ވަގުތީ އަމުރުތައް ނެރެދެވެނީ، އަނެއް ޚަޞްމުގެ ބަހެއް ހޯދައިގެން ގޮތެއް ކަނޑައެޅުމަށް ހޭދަވާ މުއްދަތުގައި އަމުރަށް އެދޭ ފަރާތުން އެދޭ ފަރުވާގެ މުއާލާތް ކެނޑި، އަދި އެފަރާތަށް ލިބިދާނެ ގެއްލުމަކަށް ނަގައިދެވޭ ބަދަލަކީ ފުދޭ ފަރުވާ (Damages an adequate remedy) އެއްކަމުގައި ނުބެލޭފަދަ، ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ކުއްލި ފިޔަވަޅެއް އަޅަންޖެހޭ ޚާއްޞަ ޙާލަތްތަކުގައެވެ. (ޕެރ. 54)
ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 115 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ޚަޞްމެއްގެ ޣައިރު ޙާޟިރުގައި އަމުރެއް ނެރެދޭންވާނީ ވަކި ޙާލަތްތަކެއް މެދުވެރިވެފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމައެވެ. އެ ޙާލަތްތަކަކީ؛ އެ އަމުރަކީ އަވަހަށް ނެރެންޖެހޭ އަމުރެއްކަމަށްވުން؛ ނުވަތަ ހެކި ނައްތައިލަފާނެކަމުގެ ބިރު އޮތުން؛ ނުވަތަ ފައިސާއެއް ޤައުމުން ބޭރަށް ނުވަތަ އެހެން ފަރާތަކަށް ތަޙުވީލުކުރުމުގެ އިޙްތިމާލު އޮތުން؛ ނުވަތަ މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ އިޙްތިމާލު އޮތުން؛ ނުވަތަ އެފަދަ އަމުރެއް ޣައިރު ޙާޟިރުގައި ނެރެންޖެހޭ އެހެންވެސް ސަބަބެއް އޮތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުމެވެ. (ޕެރ. 55)
ވަގުތީ އަމުރެއް ހޯދަން އެދިފައިވަނީ އަމުރު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ކަމަށްވާނަމަ، އެ އަމުރަށް އެދިފައިވާ ފޯމު، އަމުރު ރައްދުވާ ފަރާތަށް ފޮނުވައި، އެ ފަރާތުގެ ބަހެއް ހޯދަން ނުޖެހޭނެއެވެ؛ އެއީ، އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދައިގެން ގޮތެއް ކަނޑައެޅުމަށް ހޭދަވާ މުއްދަތުގައި އަމުރަށް އެދޭ ފަރާތުން އެދޭ ފަރުވާގެ މުއާލާތް ކެނޑި، ނުވަތަ އަމުރަށް އެދޭ މަޤުޞަދު ގެއްލި، އަމުރަށް އެދޭ ފަރާތަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެތީއެވެ. (ޕެރ. 57)
ޚަޞްމެއްގެ ޣައިރު ޙާޟިރުގައި ނެރޭ ވަގުތީ އަމުރެއް ރައްދުވާ ފަރާތުން އެ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުން، ކަނޑައެޅިފައިވާ ހަމަތަކާ އެގޮތްވާގޮތުގެ މަތިން، ޠަބީޢީ އިންސާފުގެ ދޮރު އެ ފަރާތަށް ހުޅުވައިދީ، ހަމަ އެ މަރުޙަލާގައި އެ ފަރާތުގެ ވާހަކަ އަޑުއަހަން ފުރުޞަތު ފަހިކޮށްދެވެއެވެ. (ޕެރ. 56-57)
މައްސަލައެއް ބެލުމުގެ ތެރޭގައި މައްސަލައިގެ ޚަޞްމުން ފާހަގަނުކުރާ، އެހެންނަމަވެސް ފާޅުކަންބޮޑު ގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމަކާމެދު މައްސަލައިގެ ޚަޞްމުން ދެކޭގޮތް ހޯދަންވާނެއެވެ. އަދި ޚަޞްމުން އެދޭނަމަ، އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތައް ޖަދަލުކޮށް ތައުނުކުރުމުގެ ފުރުޞަތު ދެވެންވާނެއެވެ. (ޕެރ. 60-61)
ދަޢުވާ ހުށަހެޅުމުގެ ކުރިން އަނެއް ފަރާތުގެ ޣައިރު ޙާޟިރުގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލައެއްގައި، އެ އަމުރު ނެރުމާ ގުޅޭގޮތުން ސާފުކުރަންޖެހޭ ޤާނޫނީ ގޮތުން ފާޅުކަން ބޮޑު ކަމެއް އޮތްނަމަ، ހަމައެކަނި އަމުރަށް އެދޭ ފަރާތުގެ ކިބައިން އެކަމެއް ސާފުކުރުމުން ފުދޭނެއެވެ. (ޕެރ. 61)
އެ އަމުރު ނެރުމާމެދު ގޮތެއް ނިންމުމުގެ ދާއިރާއިން ބޭރުވެ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަމާމެދު ސުވާލު އުފެދޭފަދަ ޤާނޫނީގޮތުން ފާޅުކަން ބޮޑު ކަމެއް އޮތްނަމަ، އިޚްތިޞާޞާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލަ ރައްދުވާ ފަރާތުގެވެސް ބަހެއް ހޯދުމަކީ އެންމެ ސާދާ އިޖުރާއާތެވެ. (ޕެރ. 61)
ސިވިލް ކޯޓުގައި މައްސަލަ ރައްދުވި ފަރާތް އިސްތިއުނާފީ މަރުޙަލާގައި ތަދައްޚުލުކޮށް، އެ ފަރާތުގެ ބަހެއް ހޯދައިގެން ސިވިލް ކޯޓަށް އިޚްތިޞާޞް ލިބިގެންވޭތޯ ހައިކޯޓުން ފައިޞަލާކުރާނަމަ، ފުރަތަމަ މަރުޙަލާގައި ބަސްބުނުގެ ފުރުޞަތު އެ ފަރާތަށް ގެއްލޭނެއެވެ. (ޕެރ. 63)
ވަގުތީ ފަރުވާގެ ފިޔަވަޅުތައް އެޅުމަށް އަމުރުކުރުމުގެ ބާރު، މައްސަލައެއް މައުޟޫޢީގޮތުން ނިންމުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ ކޯޓަކަށްވެސް ލިބިގެންވެއެވެ. (ޕެރ. 65)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 23، 48 (ހ)، 99 (ހ) (3)، 242 (ށ)، 243 (ށ)، 284 އަދި 291 (ބ) (3) ވަނަ މާއްދާ
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 (ށ)، 69 އަދި 70 ވަނަ މާއްދާއާއި ޖަދުވަލު 5 ގެ 3 ވަނަ ނަންބަރު
- ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 115 ވަނަ މާއްދާގެ (ބ)، (ށ) އަދި (ނ)
- 2018/SC-A/31 (އަޙްމަދު ޝިޔާފް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް)
- [2021] SC 98 (އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ)
- [2021] SC 39 (މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާތިމާ އަދި އިތުރު 3 ފަރާތެއް)
- 2020/HC-A/179 (ޕަބްލިކް ސަރވިސް މީޑިއާ ވ. އައުޑްޑޯރ އެންޓަރޓައިންމެންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑް)
- 2020/HC-A/111 (އޯކިޑް ރިސޯރޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. ދިވެހި ދައުލަތް)
- 2012/HC-A/278 (ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް)
- Pennoyer v. Neff, 95 U.S. 734 (1877)
- Austin v. Royal League, 316 Ill. 188, 147 N.E. 106
ފަނޑިޔާރުން
- ބެންޗު
- ޢަބްދުﷲ ޖަމީލް މޫސާ، ފާޠިމަތު ފަރްހީޒާ، އިބްރާހީމް މާހިރު
- ރިޔާސަތު
- ޢަބްދުﷲ ޖަމީލް މޫސާ
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޖަމީލް މޫސާ
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ފާޠިމަތު ފަރްހީޒާ، އިބްރާހީމް މާހިރު
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔު
މައްސަލައިގެ ތަޢާރަފު
1. މިއީ، ސިވިލް ކޯޓުގެ ނަންބަރު 2734-CVC-2025 ޤަޟިއްޔާއާއި، އަދި އެ ކޯޓުގެ ނަންބަރު 2769-CVC-2025 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ރިޗްކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު: C-0360/2016) (މީގެ ފަހުން "ރިޗްކްލަބް") ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން ބެލެވޭ ދެ ޤަޟިއްޔާއެވެ.
2. ސިވިލް ކޯޓުގެ ނަންބަރު 2734-CVC-2025 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ރިޗްކްލަބް ގެ ފަރާތުން ހުށަހެޅުމުން ބެލެވޭ ޤަޟިއްޔާއަކީ މިކޯޓުގެ ނަންބަރު 2025/HC-A/251 ޤަޟިއްޔާއެވެ.
3. ސިވިލް ކޯޓުގެ ނަންބަރު 2769-CVC-2025 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް އެދި ރިޗްކްލަބް ގެ ފަރާތުން ހުށަހެޅުމުން ބެލެވޭ ޤަޟިއްޔާއަކީ މިކޯޓުގެ ނަންބަރު 2025/HC-A/252 ޤަޟިއްޔާއެވެ.
4. އިސްވެ ބަޔާންކުރެވުނު ދަށު ކޯޓުގެ ދެ ޤަޟިއްޔާގައި މައްސަލަ ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް) އެވެ. އެހެންނަމަވެސް، ސިވިލް ކޯޓުގެ ބުނެވިދިޔަ ދެ ޤަޟިއްޔާ އިސްތިއުނާފުކުރިއިރު، އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތެވެ.
5. ރިޗްކްލަބްގެ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ދެ ޤަޟިއްޔާއަކީ، ގުޅުންހުރި އަދި ޖަވާބުދޭންޖެހޭ އެއް ކަންތައްތަކެއް ހިމެނޭ ދެ ޤަޟިއްޔާ ކަމުގައިވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ޝިޔާފް އަދި އިތުރު ފަރާތްތަކެއް ވ. ފުރަނަ ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް[1] ޤަޟިއްޔާގައި އެފަދަ މައްސަލަތައް ބެލުމާގުޅޭ ގޮތުންނާއި އަދި އެފަދަ މައްސަލަތައް ނިންމުމަށްޓަކައި ރިޕޯޓް ލިޔުމާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލަށާއި[2] މި ކޯޓުގެ "މައްސަލަބަލާ ފަނޑިޔާރުންގެ މަޖިލިސް އެއްގޮތްކުރުމާބެހޭ އުޞޫލު" އަށް ރިޢާޔަތްކޮށް، މި އިސްތިއުނާފީ ދެ ޤަޟިއްޔާ މި ކޯޓުގައި ކުރިއަށްގެންގޮސްފައިވަނީ، ފަނޑިޔާރުންގެ އެއް ބެންޗަކުން އެކުއެކީގައި ކަމަށްވުމާއެކު، "ޝަރީޢަތް ނިމުނުގޮތް" އެއް ރިޕޯޓެއްގެ ގޮތުގައި ލިޔެފައިވަނީއެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
6. ސިވިލް ކޯޓުގެ ނަންބަރު 2734-CVC-2025 ޤަޟިއްޔާއާއި، ނަންބަރު 2769-CVC-2025 ޤަޟިއްޔާއާ ގުޅިގެން ރިޗްކްލަބްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި "ވަގުތީ އަމުރަށް އެދޭ ފޯމު" ގައި އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
6.1. އއ. މަތިވެރީން 25,600 އަކަފޫޓުގެ ބިމެއް (ޕްލޮޓް 1) […] / މާލެ، ޢަބްދުއްރައްޒާޤު ޢަލީއަށް ކުއްޔަށް ދިނުމަށް ޢަބްދުއްރައްޒާޤު ޢަލީއާއި އއ. މަތިވެރީ ކައުންސިލާއި ދެމެދު 30 އޮގަސްޓު 2012 ވަނަ ދުވަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި އއ. މަތިވެރީން 21,280 އަކަފޫޓުގެ ބިމެއް (ޕްލޮޓް 2) […] / މާލެ، ޢަބްދުއްރައްޒާޤު ޢަލީއަށް ކުއްޔަށް ދިނުމަށް ޢަބްދުއްރައްޒާޤު ޢަލީއާއި އއ. މަތިވެރީ ކައުންސިލާއި ދެމެދު 21 ސެޕްޓެންބަރު 2014 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.
6.2. މި ދެ އެއްބަސްވުމަށް އެއްކޮށް އިސްލާޙު ގެނެސް، 03 އޮގަސްޓު 2019 ގައި އެ އިސްލާޙުގައި އއ. މަތިވެރީ ކައުންސިލާއި ޢަބްދުއްރައްޒާޤު ޢަލީގެ ފަރާތުން ސޮއިކޮށްފައިވާކަމަށެވެ. އަދި އޭގެ ފަހުން އެ ޕްލޮޓްތަކުގެ މުއްދަތު ހަމަވާތީ، އެ ޕްލޮޓްތަކުގެ ޙައްޤުތައް ބަދަލުކުރުމާ ގުޅޭގޮތުން އއ. މަތިވެރީ ކައުންސިލާއި ރިޗް ކްލަބާއި ދެމެދު 10 އޮގަސްޓު 2019 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ.
6.3. މި އިސްލާޙުތަކަށާއި، ޤާނޫނުތަކަށް ގެނެވުނު ބަދަލުތަކަށް ރިއާޔަތްކޮށް، އއ. މަތިވެރީ ކައުންސިލުގެ ވެސް ރުހުމާއެކު މިނިސްޓްރީ އޮފް ޓޫރިޒަމް (މިހާރުގެ) "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް"3 ގެ ފަރާތުން މި ދެ ބިން އެ މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެނެސް، ރިޗްކްލަބާއި، މިނިސްޓްރީ އޮފް ޓޫރިޒަމާއި ދެމެދު 29 ސެޕްޓެންބަރު 2019 ގައި މި ދެ ޕްލޮޓަށް ވަކިން ދެ އެއްބަސްވުމެއް އެކުލަވާފައިވާކަމަށެވެ.
6.4. 14 އޮގަސްޓް 2025 ގެ 13:27 ގައި އީމެއިލް މެދުވެރިކޮށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ފަރާތުން ރިޗް ކްލަބަށް ލީޒް އެގްރިމަންޓުތައް ބާޠިލްކުރިކަމަށް ބުނެ ދެ ޕްލޮޓާ ގުޅިގެން ދެ ނޯޓިސް[4] ފޮނުވާފައިވާކަމަށެވެ.
7. މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ފަރާތުން ފޮނުވާފައިވާ ޓަރމިނޭޝަން ނޯޓިސްތަކަކީ އެއްބަސްވުންތަކުގައި ބަޔާންކުރާފަދަ ސަބަބެއް ނެތި، ނުބައި ނިޔަތެއްގައި ފޮނުވާފައިވާ ޓަރމިނޭޝަން ނޯޓިސްތަކެއްކަމަށް ޤަބޫލުކުރެވޭތީ، އެ ޓަރމިނޭޝަން ނޯޓިސްތައް ބާޠިލުކުރުމާމެދު މައުޟޫޢީ މައްސަލައެއް ހުށަހަޅައި، އެ މައުޟޫޢީ މައްސަލައާމެދު ފައިޞަލާކުރުމުގެ ކުރިން އެ ޓަރމިނޭޝަން ނޯޓިސްތައް ތަންފީޒުކޮށްފިނަމަ، ނުވަތަ އެ ޓަރމިނޭޝަން ނޯޓިސްތަކުގެ މުއްދަތު ގުނާނަމަ، ރިޗްކްލަބަށް އިޢާދަނުކުރެވޭނެ ފަދަ ގެއްލުންތަކެއް ވާނެކަމަށް ފެންނާތީ، މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމަށް އެދި ރިޗްކްލަބް ގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
8. 21,280 އަކަފޫޓުގެ ބިން ހިމެނޭ ޕްލޮޓާ ގުޅޭ ލީޒް އެގްރީމެންޓު ބާޠިލުކޮށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ފަރާތުން ފޮނުވިކަމަށް ބުނާ ނޯޓިސްއާ ގުޅިގެން ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2734-CVC-2025 ޤަޟިއްޔާއިންނެވެ. 25,600 އަކަފޫޓުގެ ބިން ހިމެނޭ ޕްލޮޓާ ގުޅޭ ލީޒް އެގްރީމެންޓު ބާޠިލުކޮށް މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓުގެ ފަރާތުން ފޮނުވިކަމަށް ބުނާ ނޯޓިސްއާ ގުޅިގެން ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2769-CVC-2025 ޤަޟިއްޔާއިންނެވެ.
9. މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާއެއްގެ ގޮތުން ނެރެދިނުމަށް އެދޭ ވަގުތީ އަމުރުގެ ގޮތުގައި އެ ދެ ޤަޟިއްޔާގައި ރިޗްކްލަބުގެ ފަރާތުން އެދިފައިވަނީ، ޤާނޫނު ނަންބަރު: 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)[5] ގެ 242 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޓަރމިނޭޝަން ނޯޓިހާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އެންގުމަށާއި، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޓަރމިނޭޝަން ނޯޓިހާ ގުޅޭގޮތުން ހުށަހަޅާ މައުޟޫޢީ މައްސަލައިގައި ޙުކުމްކުރުމުގެ ކުރިން އެ ނޯޓިހުގެ މުއްދަތު ގުނުން ހުއްޓާލުމަށް އެންގުމަށާއި، އަދި ޓަރމިނޭޝަން ނޯޓިސް ފޮނުވުމުގެ ކުރީގެ ޙާލަތުގައި ވާޖިބުތައް އޮތްކަމަށް ބަލައިގެން ޓަރމިނޭޝަން ނޯޓިހަށް ޢަމަލުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އެންގުމަށެވެ.
ސިވިލް ކޯޓުން ނިންމިގޮތް
10. މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން ނެރެދިނުމަށް އެދުނު ވަގުތީ ފަރުވާގެ އަމުރާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2734-CVC-2025 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، ރިޗްކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު: C-0360/2016) ގެ ފަރާތުން ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް) ގެ މައްޗަށް ރައްދުވާގޮތަށް ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ނިންމީއެވެ."
11. މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން ނެރެދިނުމަށް އެދުނު ވަގުތީ ފަރުވާގެ އަމުރާ ގުޅިގެން ސިވިލް ކޯޓުގެ ނަންބަރު 2769-CVC-2025 ޤަޟިއްޔާގައި ޙުކުމްކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.
"ދެންފަހެ، ބުނެވިދިޔަ ކަންކަން އެގޮތުގައި ހުރުމުން، ރިޗްކްލަބް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު: C-0360/2016) ގެ ފަރާތުން ދިވެހި ދައުލަތް (މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް) ގެ މައްޗަށް ރައްދުވާގޮތަށް ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް ކަނޑައަޅައި، މި ޤަޟިއްޔާ ނިންމީއެވެ."
12. ސިވިލް ކޯޓުގެ ބަޔާންވެދިޔަ ދެ ނިންމުމަށް ވާޞިލުވުމުގައި އެ ކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
12.1. މަދަނީ އިޖުރާއަތުގެ ޤާނޫނަށް ބަލާއިރު، "ވަގުތީ އަމުރު" ކަމަށް ބުނެފައިވަނީ، މަދަނީ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ބަލަމުންދާ މައްސަލައަކާ ގުޅިގެން، ނުވަތަ އެފަދަ ކޯޓަކަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެން، ރައްކާތެރިކަމުގެ ވަގުތީ ފިޔަވަޅެއް އަޅައިދިނުމަށް އެދި މައްސަލައިގެ ޚަޞްމަކު ނުވަތަ މައްސަލައިގައި މަޞްލަޙަތު އޮތް އެހެން ފަރާތަކުން ކޯޓުގައި އެދޭ ޙާލަތުގައި ކޯޓުން ކުރާ ވަގުތީ އަމުރަށްކަމަށް އެ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވާހިނދު، ވަގުތީ ފަރުވާގެ ފިޔަވަޅުތައްވެސް އެޅޭނީ އިޚްތިޞާޞް ލިބިގެންވާ ކޯޓެއްގައި ބަލަމުންދާ ނުވަތަ އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް ހުށަހެޅިދާނެ މައްސަލައަކާ ގުޅިގެންކަން އެނގެން އޮންނަކަން.
12.2. މި މައްސަލައަކީ އަނެއް ޚަޞްމުގެ ޣައިރު ޙާޟިރުގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައަކަށްވެފައި، މި ޙާލަތުގައި މައްސަލައިގައި ގޮތެއް ކަނޑައެޅިގެންދާނީ އަނެއް ޚަޞްމުގެ ބަހެއް ހޯދުމަކާ ނުލައިކަމަށްވާތީ، ވަގުތީ އަމުރާމެދު ގޮތެއް ނިންމުމުގެ ކުރިން، މައްސަލައިގައި އިޖުރާއީގޮތުން ފުރިހަމަވާންޖެހޭ އަސާސީ ކަންކަން ފުރިހަމަވެފައިވާކަން ޝަރީޢަތުން ކަށަވަރުކުރަންޖެހޭނެކަން.
12.3. ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު)[6] ގައި މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވާ އިޚްތިޞާޞް ބަޔާންކޮށްދީފައިވާ އެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގައި "މި ޤާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ވަކި ރަށަކާ ގުޅޭގޮތުން ކުރިމަތިވާ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުންނެވެ." މިފަދައިން ބަޔާންކޮށް، އެ މާއްދާގެ (ހ) ގައި "އެ ރަށެއްގެ ބިންބިމާއި، ޢިމާރާތްތަކާއި ގޯތިގެދޮރާއި، އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް" އަދި އެ މާއްދާގެ (ށ) ގައި "އެ ރަށެއްގެ ރައްވެއްސެއްގެ ތަރިކައިގެ މައްސަލަ" މިފަދައިން ބަޔާންކޮށްފައިވާކަން.
12.4. ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކުރާ ސަރަޙައްދީ އިޚްތިޞާޞްގެ މައްޗަށް މެޖިސްޓްރޭޓް ކޯޓުތަކުގެ އިޚްތިޞާޞް ބަޔާންކޮށްފައިވާ އެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) އާއި (ށ) އިސްވެގެންވާކަން.
12.5. ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) ގައި ބަޔާންކުރާ "ބިމާބެހޭ" މައްސަލަތަކީ ކޮބައިކަން ކޯޓުތަކުގެ ޤާނޫނުގައި ތަފްޞީލުކޮށްދީފައިނުވާކަމާއި، އެހެންކަމުން ބިމާބެހޭ މައްސަލަތަކުގެ އިޚްތިޞާޞް ދެނެގަތުމުގައި ދެފަރާތުގެ ދެމެދު އޮތް ޚުޞޫމަތާއި، ދަޢުވާގެ މައުޟޫޢުގެ މައްޗަށް ބަލައި، ދަޢުވާގެ މައުޟޫޢާ މައްސަލައިގައި ޙަވާލާދޭ ބިމާ ހުރި ގުޅުމުގެ މިންވަރު ވަޒަންކުރެވިގެން އެ މައްސަލައަކީ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) ގެ ތެރެއަށް ފެތޭ މައްސަލައެއްކަން ނުވަތަ ނޫންކަން ދެނެގަނެވިދާނެކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/111 ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނަކަން.
12.6. ހުށަހެޅިފައިވާ ނުވަތަ ހުށަހަޅަން ޤަޞްދުކުރާ ދަޢުވާގައި ގޮތް ކަނޑައަޅަންޖެހެނީ ނުވަތަ ދަޢުވާގެ ޙަޤީޤީ މައުޟޫޢު ގޮސް ނިމެނީ ބިން ނުވަތަ އެ ބިމުގައިވާ ނުއުފުލޭ މުދަލުގެ މައްޗަށް އޮތް ޙައްޤުތަކަށް ނުވަތަ ބިމުގެ އަތުގެވެރިކަން ދެމެހެއްޓުމުގެ މައްޗަށް ކަމުގައިވާނަމަ، އެއީ ސީދާ ބިމާ ގުޅިފައިވާ ޚުޞޫމާތެއްކަމުގައިވާތީ، އެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ އެ ބިން އޮތް ރަށުގެ މެޖިސްޓްރޭޓް ކޯޓަށްކަން.
12.7. ހުށަހެޅިފައިވާ ނުވަތަ ހުށަހަޅަން ޤަޞްދުކުރާ ދަޢުވާގައި ގޮތް ކަނޑައަޅަންޖެހެނީ ނުވަތަ ދަޢުވާގެ ޙަޤީޤީ މައުޟޫޢު ގޮސް ނިމެނީ ބިން ނުވަތަ އެ ބިމުގައިވާ ނުއުފުލޭ މުދަލުގެ މައްޗަށް ކަމުގައި ނުވާ ޙާލަތުގައި، ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކޮށް، ސަރަޙައްދީ އިޚްތިޞާޞްގެ ދަށުން މައްސަލަ ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަމަށް ކަނޑައެޅިދާނެކަން.
12.8. ހުށަހެޅިފައިވާ މައްސަލައަކީ، އއ. މަތިވެރީގައި އޮތް ބިމަކާ ގުޅިގެން އުފެދިގެން އުޅޭ ޚުޞޫމާތެއްކަމާއި، ޚުޞޫމާތް އުފެދިފައިވާ އެއްބަސްވުމަށް ބަލާއިރު، އެ އެއްބަސްވުމަކީ އއ. މަތިވެރީގައި އޮތް ބިމެއް ކުއްޔަށްދިނުމާ ގުޅޭ އެއްބަސްވުމެއްކަމާއި، ރިޗްކްލަބްގެ ފަރާތުން ހޯދުމަށް އެދޭ މައިގަނޑު ފަރުވާއަކީ އެއްބަސްވުމުގެ ދަށުން ރިޗްކްލަބަށް ދޫކޮށްފައިވާ ބިމުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ޙައްޤު އުފަންވެގެންދާނެފަދަ ކަންކަން ހުއްޓުވައި އެބިމުގެ އަތުގެވެރިކަން ދެމެހެއްޓުންކަމާއި، ރިޗްކްލަބްގެ ފަރާތުން ހުށަހަޅަން ޤަޞްދުކުރާ ދަޢުވާގެ ޙަޤީޤީ މައުޟޫޢު ގޮސް ނިމޭނެކަމަށް ފެންނަން އޮތީ، އެއްބަސްވުމުގެ ދަށުން އެ ބިމުގެ މައްޗަށް އޮތް Possession ނުވަތަ Quiet Enjoyment of the Plot ގެ މައްޗަށްކަން ފުރަތަމަ ނަޒަރުން އެނގެން އޮންނަކަން.
12.9. އއ. މަތިވެރީގައި އޮތް، ޚުޞޫމާތް އުފެދިފައިވާ ބިންތައް ކުއްޔަށްދިނުމާ ގުޅޭގޮތުން ރިޗްކްލަބާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި ދެމެދު އެއްބަސްވުން(ތައް) ވެފައިވަނީ، އެ ބިންތަކުގެ އިޚްތިޞާޞަށް އައި ބަދަލަކާ ގުޅިގެން ނޫންކަމާއި، ރިޗްކްލަބާއެކު އެ އެއްބަސްވުން(ތައް) ވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ޓޫރިސްޓް ހޮޓަލާއި ޓޫރިސްޓް ގެސްޓްހައުސް ތަރައްޤީކުރުމަށް ކައުންސިލް މެދުވެރިކޮށް ބިން ކުއްޔަށްދިނުމަށް ބިން ކަނޑައެޅުމާބެހޭ އުޞޫލުގެ ދަށުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުންކަމާއި، އެ ބިންތައް އއ. މަތިވެރީގެ އިޚްތިޞާޞުން އުނިކޮށްފައިވާކަން އެނގެން ނެތްކަން.
12.10. އެހެންކަމުން، ބަޔާންވެދިޔަ އުޞޫލުތަކުގެ އަލީގައި ބެލުމުން، އ. މަތިވެރީގައި ވާ ބިންބިމާއި ނުއުފުލޭ މުދަލުގެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވާކަމާއި، އެފަދަ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމާބެހޭ ކޯޓަކީ އ. މަތިވެރީ މެޖިސްޓްރޭޓް ކޯޓުކަން.
12.11. ޚުޞޫމާތް އުފެދިފައިވާ ޕްލޮޓްތަކާ ގުޅޭގޮތުން މީގެކުރިން ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އުފެދިފައިވާ މައްސަލަތައްވެސް ހުށަހަޅާފައިވަނީ އ. މަތިވެރީ މެޖިސްޓްރޭޓް ކޯޓަށްކަން އެނގެން އޮންނަކަމާއި، އެހެންކަމުން އ. މަތިވެރީ މެޖިސްޓްރޭޓް ކޯޓަށް ލިބިގެންވާ އަޞްލީ އިޚްތިޞާޞްގެ މައްޗަށް އެނޫން ތަރުޖަމާއެއް ދީގެން، ރިޗްކްލަބް ގެ ފަރާތުން ހުށަހެޅި މައްސަލަ ސިވިލް ކޯޓުގައި ހިންގިދާނެ ޙާލަތެއް ނެތްކަން.
އިސްތިއުނާފީ ނުކުތާތައް
13. ސިވިލް ކޯޓުގެ ނަންބަރު 2734-CVC-2025 ޤަޟިއްޔާއާއި އަދި ނަންބަރު 2769-CVC-2025 ޤަޟިއްޔާ އިސްތިއުނާފުކުރުމަށްޓަކައި ރިޗްކްލަބްގެ ފަރާތުން އިސްތިއުނާފީ 02 (ދޭއް) ނުކުތާއެއް ހުށަހަޅާފައިވެއެވެ. އެއީ؛
13.1. މި މައްސަލަތަކަކީ އ.މަތިވެރީގައި އޮތް ބިމަކާ ގުޅޭ މައްސަލަތަކެއްކަމަށް ސިވިލް ކޯޓުން ބަލާފައިވަނީ ރިޗްކްލަބް ގެ ފަރާތުން އެދޭ ކަންކަމަށް ރިޢާޔަތްނުކޮށް، ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ނ) އާ ޚިލާފަކަމަށްބުނެ ހުށަހެޅި ނުކުތާއާއި؛ އަދި
13.1. ލިޒް އެގްރީމެންޓުތަކުގެ ދީބާޖާގެ (D) އަދި (E) ގައި، މީގެ ކުރިން ލީޒް އެގްރީމެންޓުގެ ދަށުން ކުއްޔަށްދީފައިވާ ބިމާ ގުޅޭ މައްސަލައެއް އ. މަތިވެރީ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާކަމަށް ބަޔާންކޮށްފައި އޮތުމުން، އެއީ މި މައްސަލަތަކުގެ އިޚްތިޞާޞް ވެސް އެ ކޯޓަށް ލިބިދެވޭނެ ކަމެއްކަމަށް ބަލާފައިވަނީ، ކުރީގެ މައްސަލަ ހިންގުނުއިރު އެއްބަސްވުން ވެފައިވަނީ އއ. މަތިވެރި ކައުންސިލާ އެކުގައިކަމާއި، އަދި މި މައްސަލަތައް ބިނާވާ ލީޒް އެގްރީމެންޓް ވެފައިވަނީ މިނިސްޓްރީ އޮފް ޓޫރިޒަމާ އެކުގައިކަން އެނގެން އޮތް އޮތުމަށް ރިޢާޔަތްކުރުމެއް ނެތި، ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ (ނ) އާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
14. ރިޗްކްލަބްގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ތަފްޞީލު، އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މި ކޯޓުގައި ބޭއްވި އިސްތިއުނާފީ އަޑުއެހުމުގައިވެސް އެ ނުކުތާތަކާ ގުޅިގެން ވަރަށް ތަފްޞީލުކޮށް ވާހަކަދައްކާފައިވެއެވެ. އެ ތަފްޞީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ލިޔުންތަކުގެ ބައެއްކަމަށްވާތީ، ރިޗްކްލަބް ގެ ފަރާތުން މި އިސްތިއުނާފުގައި ފާހަގަކޮށްފައިވާ ކަންކަން ޚުލާޞާ ގޮތެއްގައި ބަޔާންކުރަމެވެ. އެގޮތުން؛
14.1 ކޯޓުތަކުގެ ޤާނޫނުގެ 70 ވަނަ މާއްދާގައި އެ ޤާނޫނުގެ ދަށުން ވަކި ކޯޓަކަށް ދީފައިވާ ވަކި އިޚްތިޞާޞަކާ އެ ޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ސަރަޙައްދީ ގޮތުން ކޯޓުތަކަށް ކަނޑައެޅިފައިވާ އިޚްތިޞާޞް ފުށުއަރާނަމަ އެ ޙާލަތުގައި އެ މައްސަލައެއް ބަލާނީ އެ ވަކި އިޚްތިޞާޞް ލިބިގެންވާ ކޯޓުން ކަމަށް ބަޔާންކޮށްފައިވާކަމަށާއި، ކޯޓުތަކުގެ ޤާނޫނުގެ 69 ވަނަ މާއްދާގެ ދަށުން ވަކި ކޯޓަކަށް ދެވޭ ސަރަޙައްދީ އިޚްތިޞާޞްގެ މައްޗަށް ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާ މެޖިސްޓްރޭޓް ގެ އިޚްތިޞާޞް އިސްކުރެވޭނެކަމަކަމަށް ރިޗްކްލަބްގެ ފަރާތުންވެސް އިޢުތިރާޟް ނުކުރާކަމަށް ބަޔާންކުރެއެވެ.
14.2 އަދި މި މައްސަލައަކީ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގައި ބަޔާންކުރާފަދަ ވަކި ރަށަކާގުޅޭ ގޮތުން އެ ރަށެއްގެ ބިންބިމާއި ޢިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލައެއް ނޫންކަމަށާއި، ސަބަބަކީ މައްސަލައިގައި ރިޗްކްލަބްގެ ފަރާތުން ހޯދުމަށް އެދިފައިވާ ތިން ފަރުވާގެ ތެރެއިން ދެ ފަރުވާއެއް ބިނާވަނީ އަދި ހުއްޓެނީވެސް ޓަރމިނޭޝަން ނޯޓިހާ ހަމައަށްކަމަށާއި، ދެން އެދިފައިވާ ފަރުވާއާ ގުޅިގެންވެސް ބިމުގެ ޙައްޤުތަކާ ގުޅިގެން އެއްވެސް ތަޞައްރުފެއް ކުރުމަށް ނުވަތަ ނުކުރުމަށް އަމުރުކޮށްދިނުމަށް އެދިފައިނުވާނެކަމަށާއި، އެދިފައިވާނީ އެއްބަސްވުމުގެ ދަށުން ލިބިދެވިފައިވާ ޙައްޤުތައް ޓަރމިނޭޝަން ނޯޓިސް ފޮނުވުމުގެ ކުރީގެ ޙާލަތުގައި ދެމެހެއްޓުމަށްކަމަށް ރިޗްކްލަބްގެ ފަރާތުން ފަހާގަކުރެއެވެ.
14.3 މީގެއިތުރުން، ބަޙުޘްގެ ބޭނުމަށް، ރިޗްކްލަބްގެ ފަރާތުން އެދިފައިވާ ކަންކަމުގެ ތެރެއިން ވަކި ފަރުވާއަކީ ރަށުގެ ބިމާ ގުޅިގެން އެދިފައިވާ ފަރުވާއެއްކަމަށް ބެލިނަމަވެސް، ރިޗްކްލަބްގެ ފަރާތުން އެދިފައިވާ ކަންކަމުގެ ތެރެއިން ވަކި ކަމެއް ސިވިލް ކޯޓަށް ކުރުމުގެ ބާރު ނުލިބޭ ނުވަތަ އެ ކޯޓުގެ އިޚްތިޞާޞުން ބޭރުގައިވާ ކަމެއް ކަމަށްވާނަމަ، އެ ފަރުވާއެއް ނަގައިދިނުމުގެ ބާރު ސިވިލް ކޯޓަށް ނެތްކަމަށް ކަނޑައަޅައި، ސިވިލް ކޯޓަށް އިޚްތިޞާޞް ލިބިގެންވާ ފަރުވާތަކާ ގުޅޭގޮތުން މައުޟޫޢީގޮތުން ގޮތެއް ނިންމުމުގެ ބާރު ސިވިލް ކޯޓަށް އޮންނާނެކަމަށާއި، އެއިން އެއްވެސް ފަރުވާއަކީ ބިމުގެ މަޞްލަޙަތާ ގުޅުމެއް އޮތް ފަރުވާއެއް ނޫންކަމަށާއި، އެއީ ޚަޞްމުގެ މައްޗަށް ހޯދުމަށް އެދިފައިވާ އަދި ޚަޞްމުގެ ޢަމަލުތައް ވަކިގޮތަކަށް ބެހެއްޓުމާ ގުޅޭގޮތުން އެދިފައިވާ ޚާލިޞްކޮށް އެއްބަސްވުމާ ގުޅޭ ފަރުވާތަކެއްކަމަށް ފާހަގަކުރެއެވެ.
14.4 ސިވިލް ކޯޓުގެ ނިންމުމުގައި މި މައްސަލަތަކުގައި ހިމެނޭ ޕްލޮޓްތަކާ ގުޅިގެން، ކުރިން އއ. މަތިވެރީ މެޖިސްޓްރޭޓް ކޯޓުގައި މައްސަލަ ހިންގާފައި އޮތުމަކީ، މި މައްސަލަ ހިންގުމުގެ އިޚްތިޞާޞް އެ ކޯޓަށް އޮތްކަމަށް ބަލަންޖެހޭ ސަބަބެއްކަމަށް ބުނެފައިވީނަމަވެސް، ކުރިން ހުށަހެޅުނު މައްސަލައިގެ ޚަޞްމުންނަކީ ޢަބްދުއްރައްޒާޤު ޢަލީ އާއި އއ. މަތިވެރި ކައުންސިލް ކަމަށާއި، ކުރީގެ އެއްބަސްވުން ވެފައި އޮތީ އެ ދެފަރާތުގެ ދެމެދު ކަމަށާއި، ކުލިވެސް ދައްކަމުންދިޔައީ އ.އ. މަތިވެރީ ކައުންސިލަށްކަމަށާއި، އެހެންނަމަވެސް ރިޗްކްލަބްގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމާއެކު ވެފައިވާ އެއްބަސްވުންތަކާ ގުޅިގެން އެއްވެސް ކަމެއްގައި ރަށުގެ އެއްވެސް އިދާރާއަކާ މުޢާމަލާތް ކުރަން ނުޖެހޭކަމަށާއި، އެ އެއްބަސްވުންތަކާ ގުޅިގެން އެންމެހާ މުޢާމަލާތްތައް ކުރަނީ މިނިސްޓްރީ އޮފް ޓޫރިޒަމާއެކުގައި ކަމަށާއި، އެހެންކަމުން ކުރީގެ މައްސަލަ އ.އ. މަތިވެރީ މެޖިސްޓްރޭޓް ކޯޓުގައި ހިންގާފައި އޮތުމަކީ މި މައްސަލަތައް ހިންގުމަށް ކޯޓުތަކުގެ ޤާނޫނުގެ 69 މާއްދާގެ (ނ) ގެ ދަށުން ލިބިދެވޭ އިޚްތިޞާޞަށް އަސަރެއް ކުރަންޖެހޭ ކަމެއް ނޫންކަމަށް ރިޗްކްލަބްގެ ފަރާތުން ފާހަގަކުރެއެވެ.
އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް
15. ރިޗްކްލަބްގެ ފަރާތުން އެދެނީ، ސިވިލް ކޯޓުގެ ނަންބަރު 2734-CVC-2025 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2769-CVC-2025 ޤަޟިއްޔާއިން ނިންމާފައިވާ ނިންމުން ބާޠިލްކޮށް، މި މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅައިދިނުމަށެވެ.
ފާހަގަކުރެވުނު ކަންކަން
16. މި ދެ އިސްތިއުނާފާ ގުޅިގެން މި ކޯޓުގެ ކުރިމަތީގައި އޮތީ އަންނަނިވި ސުވާލުތަކެވެ. 16.1 މައްސަލައިގައި ބަޔާންވެގެންވާ ބިމާ ގުޅިގެން އ.އ. މަތިވެރީ މެޖިސްޓްރޭޓް ކޯޓުން ކުރިން މައްސަލައެއް ބަލާފައި އޮތް އޮތުމަކީ، ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމަށް އެދި ރިޗްކްލަބްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ(ތައް) ބެލުމުގެ އިޚްތިޞާސް އެ ކޯޓަށް ލިބުމަށް ހުރަސްއަޅާ ސަބަބެއްތޯ؟ 16.2 ރިޗްކްލަބް ގެ ފަރާތުން ވަގުތީ ފަރުވާގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާސް ސިވިލް ކޯޓަށް ލިބިގެންނުވާކަމަށް ނިންމީ ރަނގަޅަށްތޯ؟ މައްސަލައިގައި ބަޔާންވެގެންވާ ބިމާ ގުޅިގެން އއ. މަތިވެރީ މެޖީސްޓްރޭޓް ކޯޓުން ކުރިން މައްސަލައެއް ބަލާފައި އޮތް އޮތުމަކީ، ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމަށް އެދި ރިޗްކްލަބްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ(ތައް) ބެލުމުގެ އިޚްތިޞާސް އެ ކޯޓަށް ލިބުމަށް ހުރަސްއަޅާ ސަބަބެއްތޯ؟
17. މިނިސްޓްރީ އޮފް ޓޫރިޒަމާއި ރިޗްކްލަބާއި ދެމެދު ވެފައިވާ ލީޒް އެގްރީމެންޓުތަކުގެ ދީބާޖާގެ (D) އަށް ބަލާއިރު، މި މައްސަލަތަކުގައި ހިމެނޭ ބިންތަކާ ގުޅޭ އެއްބަސްވުންތަކަކާ ގުޅިގެން، އއ. މަތިވެރީ މެޖީސްޓްރޭޓް ކޯޓަށް ޢަބްދުއްރައްޒާޤު ޢަލީގެ ފަރާތުން ހުށަހެޅި މައްސަލައެއް އެކޯޓުން ބަލައި ނިންމާފައިވާކަމަށް ބަޔާންކޮށްފައިވެއެވެ. އެ މައްސަލައަކީ އެ ބިންތަކާ ގުޅޭގޮތުން އއ. މަތިވެރީ ކައުންސިލާއެކު ޢަބްދުއްރައްޒާޤު ޢަލީ ވެފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލައެކެވެ. އެހެންކަމުން އެ އެއްބަސްވުންތަކާ ގުޅިގެން އއ. މަތިވެރީ ކައުންސިލަށް ރައްދުވާގޮތަށް ޢަބްދުއްރައްޒާޤު ޢަލީގެ ފަރާތުން އއ. މަތީވެރީ މެޖީސްޓްރޭޓް ކޯޓަށް ހުށަހެޅި މައްސަލައިގައި، ކޯޓުތަކުގެ ޤާނޫނުގެ 70 ވަނަ މާއްދާގައި ބަޔާންކުރާފަދަ، ވަކި ކޯޓަކަށް ދީފައިވާ ވަކި އިޚްތިޞާޞަކާއި ސަރަޙައްދީ އިޚްތިޞާސް ފުށުއަރާނެފަދަ ޙާލަތެއް މެދުވެރިއެއް ނުވާނެއެވެ.
18. އެހެންނަމަވެސް، ރިޗްކްލަބްގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބަޔާންކޮށްފައިވާ ޓަރމިނޭޝަން ނޯޓިސްތަކާ ގުޅޭ އެއްބަސްވުންތަކަކީ ރިޗްކްލަބާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި ދެމެދު ވެފައިވާ އެއްބަސްވުންތަކެކެވެ. އެހެންކަމުން، އއ. މަތިވެރީ ކައުންސިލާއެކު ޢަބްދުއްރައްޒާޤު ޢަލީ ވެފައިވާ އެއްބަސްވުންތަކާ ގުޅޭ މައްސަލައެއް، އެ ކައުންސިލް ހުރި ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުމުން އެ ކޯޓުން އެ މައްސަލަ ބަލާފައި އޮތް އޮތުމަށް ޤިޔާސްކޮށް، ރިޗްކްލަބްގެ ފަރާތުން މާލޭގައި ހުރި ދައުލަތުގެ އިދާރާއަކަށް ރައްދުވާގޮތަށް ދައުލަތުގެ މައްޗަށް ހުށަހެޅި މައްސަލަ(ތައް) ސިވިލް ކޯޓުގައި ހިންގިދާނެ ޙާލަތެއް ނެތްކަމަށް ސިވިލް ކޯޓުން ކުރި ދޭހައަކީ ރަނގަޅު ދޭހަކުރުމެއް ކަމުގައި ނުދެކެމެވެ.
ރިޗްކްލަބްގެ ފަރާތުން ވަގުތީ ފަރުވާގެ އަމުރަކަށް އެދި ހުށަހެޅި މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންނުވާކަމަށް ނިންމީ ރަނގަޅަށްތޯ؟
19. ރިޗްކްލަބްގެ ފަރާތުން އެދިފައިވަނީ ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމަށެވެ. އެ ގޮތުން އެދިފައިވަނީ؛
19.1. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޓަރމިނޭޝަން ނޯޓިހާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އެންގުމަށާއި،
19.2. މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރަށް ރިޢާޔަތްކޮށް، ޓަރމިނޭޝަން ނޯޓިހާ ގުޅޭގޮތުން ހުށަހަޅާ މައުޟޫޢީ މައްސަލައިގައި ޙުކުމްކުރުމުގެ ކުރިން އެ ނޯޓިހުގެ މުއްދަތު ގުނުން ހުއްޓާލުމަށް އެންގުމަށާއި،
19.3. އަދި ޓަރމިނޭޝަން ނޯޓިސް ފޮނުވުމުގެ ކުރީގެ ޙާލަތުގައި ބިމުގެ އެންމެހާ ޙައްޤުތަކާއި ވާޖިބުތައް އޮތްކަމަށް ބަލައިގެން ޓަރިމިނޭޝަން ނޯޓިހަށް ޢަމަލުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އެންގުމަށެވެ.
20. ކޯޓަށް ދަޢުވާއެއް ހުށަހެޅުމާއެކު، އެ މައްސަލަ އެ ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވޭތޯ ބަލަންޖެހޭނެއެވެ. އެއީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގައްޔާއި[7] ޤަޟާއީ ސަވާބިޤުތަކުގައި ބަޔާންކުރެވިފައިވާ ގޮތެވެ.
21. އެ މައްސަލައެއް ހުށަހެޅިފައިވާ ކޯޓަކީ އެ މައްސަލަ އެ ކޯޓަކަށް ބެލުމުގެ އިޚްތިޞާޞާއި ބާރު އޮތް ކޯޓެއްތޯ ދެނެގަތުމަކީ ވަރަށް އަސާސީ ކަމެކެވެ. އެހެނީ، އެ މައްސަލައެއް ބެލުމުގެ އިޚްތިޞާޞާއި ބާރު ޤާނޫނަކުންވިޔަސް ނުވަތަ ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ޤަރީޢާއިންވިޔަސް ލިބިދީފައި ނެތްނަމަ، އެ މައްސަލައަކާ ގުޅިގެން އެ ކޯޓަކުން ނިންމާ ނިންމުމަކީ އެއްވެސް ކަމެއް ފައިޞަލާކުރާ ޞައްޙަ ނިންމުމަކަށް ނުވާނެއެވެ. އަދި އެ ނިންމުމަކީ މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތެއް ބަނދެވިގެންދާނެ (އިލްތިޒާމެއް އުފައްދާނެ) ނިންމުމެއް ނޫނެވެ. އަދި އެއީ އެއްވެސް ޙައްޤެއްގެ ތަރަހައެއް އެކަށައަޅާނެ ނިންމުމެއްވެސް ނޫނެވެ. އެ ނިންމުން ވެގެންދާނީ، އަޞްލުން ބާޠިލު، އެއްވެސް ދިރުމެއް، ބާރެއް ނެތް ނިންމުމަކަށެވެ.8
22. ރިޗްކްލަބް ގެ ފަރާތުން ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރެދިނުމަށް އެދި ހުށަހެޅި މައްސަލަތައް ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާކަމަށް ކަނޑައެޅި މައިގަނޑު ސަބަބަކީ، ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) އަށް ރިޢާޔަތްކޮށް، މި މައްސަލަތަކަކީ އ. މަތިވެރީގައި އޮތް ބިންތަކަކާ ގުޅިގެން އުފެދިގެން އުޅޭ ޚުޞޫމާތެއްކަމަށް ބަލައިގެންނެވެ. ސިވިލް ކޯޓުން އެގޮތަށް ބަލާފައިވަނީ، ޚުޞޫމާތް އުފެދިފައިވާ އެއްބަސްވުންތަކަކީ އ. މަތިވެރީގައި އޮތް ބިންތަކެއް ކުއްޔަށްދިނުމާ ގުޅޭ އެއްބަސްވުންތަކެއްކަމަށްވެފައި، ރިޗްކްލަބްގެ ފަރާތުން ހޯދުމަށް އެދޭ މައިގަނޑު ފަރުވާއަކީ އެ އެއްބަސްވުންތަކުގެ ދަށުން ރިޗްކްލަބަށް ދޫކޮށްފައިވާ ބިންތަކުގެ މައްޗަށް ތިންވަނަ ފަރާތެއްގެ ޙައްޤު އުފަންވެގެންދާނެފަދަ ކަންކަން ހުއްޓުވައި އެބިންތަކުގެ އަތުގެވެރިކަން ދެމެހެއްޓުންކަމާއި، އަދި ރިޗްކްލަބްގެ ފަރާތުން ހުށަހަޅަން ޤަޞްދުކުރާ ދަޢުވާގެ ޙަޤީޤީ މައުޟޫޢު ގޮސް ނިމޭނެކަމަށް ފެންނަން އޮތީ، އެއްބަސްވުމުގެ ދަށުން އެ ބިމުގެ މައްޗަށް އޮތް Possession ނުވަތަ Quiet Enjoyment of the Plot ގެ މައްޗަށްކަން ފުރަތަމަ ނަޒަރުން އެނގެން އޮންނަކަމަށް ބުރަވެވިގެންނެވެ.
23. ކޯޓުތަކުގެ ޤާނޫނުގައި މެޖިސްޓްރޭޓް ކޯޓުތަކަށް ލިބިގެންވާ އިޚްތިޞާޞް ބަޔާންކޮށްދީފައިވާ އެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގައި "މި ޤާނޫނުގެ އެހެން މާއްދާއެއްގައި ކޮންމެ ގޮތަކަށް ބަޔާންކޮށްފައިވީނަމަވެސް، ވަކި ރަށަކާ ގުޅޭގޮތުން ކުރިމަތިވާ އަންނަނިވި ބާވަތްތަކުގެ މައްސަލަތައް ފުރަތަމަ މަރުޙަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުންނެވެ." މިފަދައިން ބަޔާންކޮށް، އެ މާއްދާގެ (ހ) ގައި "އެ ރަށެއްގެ ބިންބިމާއި، ޢިމާރާތްތަކާއި ގޯތިގެދޮރާއި، އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް" މިހެން ބަޔާންކޮށްފައިވެއެވެ.
24. ސިވިލް ކޯޓުގެ ފަނޑިޔާރުވެސް ފާހަގަކުރައްވާފައިވާ ފަދައިން، ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) ގައި ބުނާފަދަ ބިމާބެހޭ މައްސަލަތަކަކީ ކޮބައިކަން އެ ޤާނޫނުގައި ބަޔާންކޮށްފައެއް ނުވެއެވެ.
25. އެ އަކުރުގައި އެ ބުނާ ބިމާބެހޭ މައްސަލަތައް ދެނެގަންނާނެ ސާފު މިންގަނޑުތަކެއް އެކަށައަޅާފައިވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމެއްވެސް ފެންނާކަށް ނެތެވެ.
26. މި ކޯޓުގެ ނަންބަރު 2012/HC-A/278 (ސޫރާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަށް ބެލުމުން، ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) ގައި ބުނާ ބިމާބެހޭ މައްސަލަތަކުގެ އިޚްތިޞާޞް ދެނެގަތުމުގައި، ދެފަރާތުގެ ދެމެދު އޮތް ޚުޞޫމަތާއި، ދަޢުވާގެ މައުޟޫޢުގެ މައްޗަށް ބަލައި، ދަޢުވާގެ މައުޟޫޢާ މައްސަލައިގައި ޙަވާލާދޭ ބިމާ ހުރި ގުޅުމުގެ މިންވަރު ވަޒަންކުރެވިގެން އެ މައްސަލައަކީ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) ގެ ތެރެއަށް ފެތޭ މައްސަލައެއްކަން ނުވަތަ ނޫންކަން ދެނެގަނެވިދާނެކަން އެ ޤަޟިއްޔާގެ ޙުކުމަށް ވާޞިލުވުމުގައި ބިނާކުރި ސަބަބުތަކުގެ މައްޗަށް ބެލުމުން އެނގެން އޮންނަކަމަށް މިކޯޓުގެ ނަންބަރު: 2020/HC-A/111 (އޯކިޑް ރިސޯރޓްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ.
ދިވެހި ދައުލަތް) ޤަޟިއްޔާގައި ފަނޑިޔާރު ޢަލީ ސަމީރު ފާހަގަކުރައްވާފައިވެއެވެ.
27. ސުވާލަކީ ދަޢުވާގެ މައުޟޫޢާ އެ ދަޢުވާއެއްގައި ޙަވާލާދޭ ބިމާ ހުރި ގުޅުމުގެ މިންވަރު ވަޒަންކުރާނީ ކިހިނެއްހެއްޔެވެ؟ އެ ގުޅުންހުރި މިންވަރު ދެނެގަތުމުގައި، ޚުޞޫމާތް އުފެދިފައިވާ ޙައްޤުގެ ބާވަތަށް ރިޢާޔަތްކުރަންޖެހޭނޭކަމަށް އަހުރެން ދެކެމެވެ. ޙައްޤުގެ ނިސްބަތުން އިޚްތިޞާޞް ދެނެގަތުމުގައި ޙައްޤުތައް މައިގަނޑު 02 (ދޭއް) ބަޔަކަށް ބެހިގެންވެއެވެ. އެއީ ޢައިނީ ޙައްޤުތައް (Jus in rem) (ޖަސް އިން ރެމް) އާއި، ޝަޚްޞީ ޙައްޤުތައް (Jus in personam) (ޖަސް އިން ޕަރސޯނަމް) އެވެ. އަދި ފުރިހަމަ ޢައިނީ ޙައްޤަކާ ހަމައަށް ފުރާފުރިހަމަވެފައިނުވާ، އޭގައި ޢައިނީ ޙައްޤުގެ އިތުރުން ޝަޚްޞީ ޙައްޤުވެސް ވަކި މިންވަރަކަށް އެކުލެވިގެންވާ މަސްހުނި ޙައްޤެއް (Jus ad rem) (ޖަސް އެޑް ރެމް) ވެސް ހިމެނެއެވެ. މިއީ މުދަލަކާ ގުޅޭގޮތުން އުފެދޭ، ޝަޚްޞީ ޙައްޤެކެވެ.
ޢައިނީ ޙައްޤު (Jus in rem) އާއި، ޝަކްސީ ޙައްޤު (Jus in personam)
28. ޢައިނީ ޙައްޤު (Jus in rem) އަކީ[9] ވަކި މުދަލެއް މައްޗަށް އޮންނަ ޤާނޫނީ ޙައްޤަށް ނިސްބަތްކޮށް ބޭނުންކުރާ މުސްޠަލަޙެކެވެ. މީގެ މާނައަކީ، އެ މުދަލުގެ ވެރިފަރާތަކީ ކޮންމެ ފަރާތެއް ކަމުގައިވީނަމަވެސް، އެ ޙައްޤަކީ ސީދާ އެ މުދަލާ ގުޅިފައިވާ ޙައްޤެއްކަމުގައިވުމެވެ. މި ޙައްޤަކީ އެންމެހައި ފަރާތްތަކުގެ މައްޗަށް ދަޢުވާކޮށް، ސާބިތުކޮށްދެވޭނެ ފަދަ ޙައްޤެކެވެ. މިފަދަ ޙައްޤުތަކުގެ ތެރޭގައި ޢާންމުކޮށް ހިމެނެނީ މުދަލުގެ ވެރިފާރަތަށް މުދަލުގެ މައްޗަށް ލިބިގެންވާ މިލްކުވެރިކަމުގެ ޙައްޤާއި، ޙިޔާޒަތުގެ ޙައްޤާއި، އިސްތިޢުމާލުކުރުމުގެ ޙައްޤާއި، އިސްތިޢުލާލުކުރުމުގެ ޙައްޤާއި، ތަޞައްރުފުކުރުމުގެ ޙައްޤާއި، ރަހުނުކުރުމުގެ ޙައްޤުފަދަ ޙައްޤުތަކެވެ.
29. ޝަކްސީ ޙައްޤު (Jus in personam) އަކީ، ވަކި މީހަކާ ގުޅިގެން، އެ މީހެއްގެ މައްޗަށް އުފެދޭ ޙައްޤެކެވެ. އެގޮތުން ޝަކްސީ ޙައްޤަކީ، ވަކި ޚާއްޞަ މީހަކާ ނުވަތަ ބަޔަކާ މެދު އެކަނި ބޭނުންކުރެވޭ ނުވަތަ އެ ފަރާތްތަކުގެ ކިބައިން ހޯދުމަށް ދަޢުވާކުރެވޭ އަމިއްލަ ޙައްޤެކެވެ. އާންމު ގޮތެއްގައި މިފަދަ ޙައްޤެއް އުފެދެނީ ދެފަރާތެއްގެ ދެމެދުގައި ވެވޭ އެއްބަސްވުމެއްގެ ދަށުން، ނުވަތަ އެކަކު އަނެކަކަށް ވެފައިވާ ތަންފީޒީ ބާރުލިބެނިވި ވަޢުދުތަކެއްގެ ސަބަބުންނެވެ. މިއީ އިލްތިޒާމް އުފުލަންޖެހޭ ފަރާތުން ވަކި ޚާއްޞަ ކަމެއް ކުރުމަށް ނުވަތަ ޤާނޫނީ ގޮތުން އަދާކުރަންޖެހޭ ވާޖިބެއް ފުރިހަމަކުރުމަށް ލާޒިމުކުރުވާ ޙައްޤެކެވެ.
30. Black’s Law Dictionary ގައި ވާގޮތުންވެސް، ޙައްޤުތައް އެކި ގޮތްގޮތަށް ތަޞްނީފު (classify) ކުރާއިރު، ޝަޚްޞީ ޙައްޤާއި، ޢައިނީ ޙައްޤާއި މި ދެބާވަތަށްވެސް ޙައްޤުތައް ބައިކުރެވިދާނެއެވެ. އެގޮތުން، ޝަޚްޞީ ޙައްޤާކީ، ކަނޑައެޅިފައިވާ ވަކި ޚާއްޞަ ފަރާތެއްގެ މައްޗަށް އިލްތިޒާމެއް ނުވަތަ ޒިންމާއެއް ލާޒިމުކުރާ ޙައްޤެކެވެ. ޢައިނީ ޙައްޤާކީ ޢާއްމުކޮށް އެންމެހައި ފަރާތްތަކުގެ މައްޗަށް އިލްތިޒާމެއް ލާޒިމުކުރާ ޙައްޤެކެވެ. އެބަހީ، މުޅި ދުނިޔޭގެ އެންމެންނާ ދެކޮޅަށް ނުވަތަ ކަނޑައެޅިފައިވާ ވަކި ފަރާތްތަކެއް ފިޔަވައި އެހެން އެންމެންނާ ދެކޮޅަށް ބޭނުންކުރެވޭ ޙައްޤެކެވެ.
މިސާލަކަށް، ވަކި ބިމަކުން އެންމެހައި ފަރާތްތަކެއް ދުރުކުރުމުގެ ނުވަތަ މަނާކުރުމުގެ ޤާނޫނީ ބާރު އެމީހަކަށް ލިބިގެންވާނަމަ، އެއީ އެ ބިމާ ގުޅޭގޮތުން އެ މީހަކަށް ލިބިފައިވާ ޢައިނީ ޙައްޤެކެވެ. އަދި އެ ބިމުން އެ މީހަކަށް މަނާނުކުރެވޭނެ ވަކި ފަރާތްތަކެއް (މިސާލަކަށް 'ހ'، 'ދ' އަދި 'ނ') ތިބިކަމުގައި ވިޔަސް، އެ ބިމާ މެދު އެމީހަކަށް އޮތް ޙައްޤު ބެލެވޭނީ ހަމަ ޢައިނީ ޙައްޤެއްގެ ގޮތުގައެވެ.10
31. ޝަޚްޞީ ޙައްޤުގެ ސަބަބުން، އެ ޙައްޤު ލިބިގެންވާ ފަރާތަށް، އަނެއް ފަރާތުގެ މައްޗަށް ވަކި ކަމެއް ލާޒިމުކުރުވުމުގެ ބާރު ލިބިދެއެވެ. އެގޮތުން، ވަކި އެއްޗެއް ދިނުމަށް ނުވަތަ ހޯދައިދިނުމަށް، ނުވަތަ ވަކި ކަމެއް ކުރުމަށް ނުވަތަ ކަމަކުން އެއްކިބާވެ ހުރުމަށް އެ ފަރާތަށް މަޖުބޫރުކުރުވުމުގެ ޤާނޫނީ ބާރު މި ޙައްޤުގެ ސަބަބުން ކަށަވަރުކޮށްދެއެވެ. ޢައިނީ ޙައްޤާކީ، އެ މުދަލަކާއި އެ މީހަކާ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން ލިބިދޭ، އަދި އެ މުދަލެއްގެ ފުރިހަމަ މިލްކުވެރިކަމާއި ތަޞައްރުފުކުރުމުގެ ބާރު ހިމެނޭގޮތަށް، އެންމެހައި ފަރާތްތަކާ ދެކޮޅަށް (against all the world) ބޭނުންކުރެވޭ ޙައްޤެކެވެ.11
32. އިޚްތިޞާޞާ ގުޅޭގޮތުން މި ދެ ޙައްޤުގެ މެދުގައިވާ ޢަމަލީ ތަފާތު ބިނާވެގެންވަނީ، އެ ޙައްޤެއް ތަންފީޒުކޮށްދިނުމަށް އެދި ދަޢުވާކުރެވޭނީ ކޮން ފަރާތަކާ ދެކޮޅަށްތޯ ނުވަތަ އިޚްތިޞާޞް ލިބޭނީ ކޮން ކޯޓަކަށްތޯ ކުރެވޭ ސުވާލުގެ މައްޗަށެވެ. ޢާއްމު އުޞޫލުން، ޢައިނީ ޙައްޤެއް ތަންފީޒުކުރުން ބިނާވެފައިވަނީ އެ މުދަލެއް ނުވަތަ އެއްޗެއް ހުރި ތަނެއްގެ މައްޗަށެވެ. ނަމަވެސް ޝަޚްޞީ ޙައްޤު ތަންފީޒުކުރުން ބިނާވެގެންވަނީ ދަޢުވާލިބޭ ޝަޚްޞަކު ހުރި ތަނެއްގެ މައްޗަށެވެ.
33. މި ދެ ބާވަތުގެ ޙައްޤުގެ ނިސްބަތުން އިޚްތިޞާޞް ދެނެގަތުމުގައި، އެ ދަޢުވާއަކީ ޝަޚްޞުގެ މައްޗަށް ރައްދުވާ (In personam) ދަޢުވާއަކަށް ވާނީ، އެ ދަޢުވާކީ، ވަކި ޚާއްޞަ ފަރުދަކާ ނުވަތަ ޝަޚްޞަކާ ދެކޮޅަށް ކުރެވޭ ޤާނޫނީ ދަޢުވާތަކެވެ. މުދަލުގެ މައްޗަށް ކުރެވޭ (In rem) ދަޢުވާއެއްކަމަށް ވާނީ، ވަކި ފަރާތެއްގެ މައްޗަށް އޮތް އިލްތިޒާމަކަށް ނިސްބަތްވުމުގެ ބަދަލުގައި، މުދަލަކަށް ނިސްބަތްވާ (In rem) ދަޢުވާތަކެވެ.
34. ޤާނޫނީ އިޞްޠިލާޙުގެ އަޞްލު މާނައަށް ބަލާއިރު، In rem އަކީ ސީދާ މުދަލަކާ ދެކޮޅަށް، އެ މުދަލެއްގެ މައްޗަށް އޮތް ޙައްޤެއް ސާބިތުކޮށް، އެ ޙައްޤު ތަންފީޒުކުރުމަށްޓަކައި ހިންގޭ ޝަރުޢީ އިޖުރާއަތެކެވެ.12
35. ޙަޤީޤަތުގައި، ހަނި މާނައެއްގައި ބަލާއިރު، In rem އިޖުރާއާތަކީ (އިސްވެ ބުނެވުނު ފަދައިން) މުދަލަކާ ދެކޮޅަށް ސީދާ ހިންގޭ އިޖުރާއާތެކެވެ. މީގެ މައިގަނޑު މަޤްޞަދަކީ، އެ މުދަލުގެ މައްޗަށް ދަޢުވާކުރާ ވަކިވަކި ފަރާތްތަކުގެ މިލްކުވެރިކަމުގެ ޙައްޤަށް ރިޢާޔަތްކުރުމެއް ނެތި، ސީދާ އެ މުދަލާމެދު ގޮތެއް ނިންމުމެވެ. ނަމަވެސް، ފުޅާ އަދި ޢާންމު މާނައެއްގައި ބަލާއިރު، ދެ ފަރާތެއްގެ މެދުގައި ހިނގާ ޝަރުޢީ މައްސަލަތަކުގައި، އެ ފަރާތްތަކުގެ މިލްކިއްޔާތުގައިވާ މުދަލަކަށް ނުވަތަ އެ މުދަލެއްގައިވާ މަޞްލަޙަތަކަށް ވާޞިލުވެ، އެއާމެދު ގޮތެއް ނިންމުމަކީ މައިގަނޑު ބޭނުން ކަމުގައިވާނަމަ، އެފަދަ ކަންކަމަށްވެސް މި އިޞްޠިލާޙު ބޭނުންކުރެވެއެވެ. އޭގެ ތެރޭގައި ދަރަނިވެރިންގެ މުދާ ހިފެހެއްޓުމަށް ހިންގާ މައްސަލަތަކާއި، ބިން ބައިކުރުމުގެ މައްސަލަތަކާއި، ރަހުނު ތަންފީޒުކުރުމާއި، ނުވަތަ މުދަލުގެ މައްޗަށް އޮންނަ "ލިއެން" (Lien) އެއް ތަންފީޒުކުރުމަށް ހިންގާ މައްސަލަތައް ހިމެނެއެވެ. މިފަދަ މައްސަލަތަކަކީ އެ ތަނެއްގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ މުދަލަށް އޭގެ އަސަރު ފޯރާ މިންވަރަށް ބަލާއިރު، މަތީގައި ބަޔާންކުރެވުނު ފުޅާ މާނައިގައި In rem އިޖުރާއާތު ހިނގާ މައްސަލަތަކެއް ކަމުގައި ބެލެވިދާނެއެވެ.13
36. ޝަޚްޞުގެ މައްޗަށް ހިންގޭ (In personam) ދަޢުވާއަކީ، ޒިންމާ އުފުލަންޖެހޭ ވަކި ޚާއްޞަ ޝަޚްޞަކާ ނުވަތަ ފަރާތަކާ ދެކޮޅަށް ހުށަހެޅޭ ޤާނޫނީ ފިޔަވަޅެއްކަމުގައިވާއިރު، މުދަލުގެ މައްޗަށް ހިންގޭ (In rem) ދަޢުވާތަކަކީ، އެ އެއްޗެއްގެ މިލްކުވެރި ފަރާތަކީ ކޮބައިކަމުގެ މައްޗަށް ބެލުމެއް ނެތި، ވަކި ޚާއްޞަ މުދަލަކާ (މިސާލަކަށް އުޅަނދެއް ފަދަ އެއްޗަކާ) ދެކޮޅަށް ހުށަހެޅޭ ދަޢުވާއެކެވެ. މިއީ ވަކި ޚާއްޞަ ޝަޚްޞަކާ ނުވަތަ ފަރާތަކާ ދެކޮޅަށް އުފަންވާ ޙައްޤަކަށްވުރެ ބޮޑަށް، މުޅި ދުނިޔޭގެ އެންމެންގެ މައްޗަށް ތަންފީޒުކުރެވޭ ފަދަ ޢާންމު ޙައްޤެއް ކަށަވަރުކުރުމަށް، ނުވަތަ އެފަދަ ޙައްޤަކަށް އަރައިގަތުމުން އެކަމަށް އިންޞާފު ހޯދުމަށް ކުރެވޭ ދައުވާއެކެވެ. މިފަދަ ދަޢުވާއެއްގައި ދަޢުވާ ރައްދުވާ In Pennoyer v. Neff, 95 U.S. 734, 24 L. Ed. 565, the court said: "It is true that, in a strict sense, a proceeding in rem is one taken directly against property, and has for its object the disposition of property, without reference to the title of individual claimants; but, in a larger and more general sense, the terms are applied to actions between parties, where the direct object is to reach and dispose of property owned by them, or of some interest therein. Such are cases commenced by attachment against the property of debtors, or instituted to partition real estate, foreclose a mortgage, or enforce a lien. So far as they affect property in this state, they are substantially proceedings in rem in the broader sense which we have mentioned." ފަރާތަކީ ކާކުކަން ކަނޑައެޅިގެންދަނީ، އެ ފަރާތަކުން އެ ޢާންމު ޙައްޤަށް އުނިކަން އަންނަ ފަދަ ޢަމަލެއް ހިންގާ ހިސާބުންނެވެ.14
މުދަލާ ގުޅިގެން އުފެދޭ ޝަޚްޞީ ޙައްޤު (Jus ad rem)
37. Jus ad rem (Right to a thing) Jus ad rem) އަކީ، މުދަލަކާ ގުޅިގެން އުފެދޭ ޝަޚްޞީ ޙައްޤެވެ. އާންމު ގޮތެއްގައި މިފަދަ ޙައްޤެއް އުފެދެނީ ޢަޤުދުތަކުގެ ތެރެއިންނެވެ. Jus ad rem އަކީ، ފުރިހަމަ ޢައިނީ ޙައްޤަކާ ހަމައަށް ފުރިހަމަނުވާ ޙައްޤެކެވެ. ނުވަތަ ފުރިހަމަ ޢައިނީ ޙައްޤަކާ ހަމައަށް ވާޞިލުވުމަށްޓަކައި ފެށުމެއްގެ މަރުޙަލާގައިވާ ޙައްޤެކެވެ. މިއީ ދެ ފަރާތެއްގެ ދެމެދު ވެވޭ އެއްބަސްވުމެއްގެ ދަށުން، ވަކި މުދަލަކާ ގުޅޭގޮތުން އަނެއް ފަރާތަށް ލިބިދޭ ބާރެކެވެ.
38. މިޒަމާނުގެ މަދަނީ ޤާނޫނީ ޢިލްމުވެރިން Jus ad rem މި އިސްޠިލާޙު ބޭނުންކުރައްވަނީ، އެ އެއްޗެއްގެ މިލްކުވެރިކަމުގެ މައްޗަށް އަތްނުފޯރާ ޙާލަތުގައި އޮންނަ ޙައްޤުތައް ސިފަކޮށްދިނުމަށެވެ. މީގެ އިތުރުން، މާނައިގެ ގޮތުން ތަންކޮޅެއް ފުޅާކޮށް ބަލާއިރު، Jus ad rem އަކީ އެއްޗެއްގެ މައްޗަށް އޮންނަ ފުރިހަމަނުވާ ނުވަތަ ފެށުމެއްގެ މަރުޙަލާގައިވާ ޙައްޤެކެވެ. މިފަދަ ޙައްޤެއް ތަންފީޒުކުރެވޭނީ ހަމައެކަނި އެ އިލްތިޒާމް އުފުލަންޖެހޭ ފަރާތާ ދެކޮޅަށް ނުވަތަ އެ ފަރާތެއް މެދުވެރިކޮށެވެ.15
39. މުދަލަކާ ގުޅޭގޮތުން އުފެދޭ ޝަޚްޞީ ޙައްޤު (Jus ad rem) އަކީ ހަމައެކަނި ވަކި ޚާއްޞަ ފަރާތްތަކަކާ ދެކޮޅަށް (މިސާލަކަށް؛ އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ މައްޗަށް) ތަންފީޒުކުރެވިދާނެފަދަ ޙައްޤެއްކަމުގައި ވީނަމަވެސް، މިއީ ސީދާ ވަކި މުދަލަކާ ގުޅުންހުރި ކަމެއްކަމުގައިވާތީ، ދަޢުވާގައި އެދޭ ފަރުވާ/ކަންތައްތަކަށް ރިޢާޔަތްކުރުމަށްފަހު، އިޚްތިޞާޞް ކަނޑައެޅުމުގައި ތަފާތު ޙާލަތްތަކެއް މެދުވެރިވެދާނެއެވެ. އެގޮތުން އިލްތިޒާމް އުފުލަންޖެހޭ ފަރާތް ހުރި ތަނެއްގެ ސަބަބުން، ޝަޚްޞީ (In personam) އިޚްތިޞާޞް އުފެދިދާނެއެވެ. ނުވަތަ މުދާ ހުރި ތަނުގެ މައްޗަށް ޢައިނީ (In rem) އިޚްތިޞާސް އުފެދިދާނެއެވެ. އެ ދެގޮތަށްވެސް އިޚްތިޞާޞް ލިބޭ ޙާލަތުގައި، އެއްބަސްވުންތަކުގައި މައްސަލަ ބަލާނެ ވަކި ކޯޓެއް ނުވަތަ ތަނެއް ކަނޑައަޅާފައިވާ މާއްދާ (forum selection clause) އެއް އޮތްނަމަ، އެ މާއްދާއަށް ޢަމަލުކުރެވެއެވެ. އެހެންނަމަވެސް، އެ ދެގޮތުންކުރެ އިޚްތިޞާޞް ހިނގާނީ ކަނޑައެޅިގެން ވަކިގޮތަކަށްކަމަށް ޤާނޫނުގައި ބަޔާންކޮށް، ވަކި ޚާއްޞަ ކޯޓަކަށް ޙަޞްރީ އިޚްތިޞާޞް (Exclusive Jurisdiction) ލިބިދީފައިވާނަމަ، ކޮންޓްރެކްޓުގެ ބައިވެރިން އެއްބަސްވެގެން ފޯރަމް ބަދަލުކުރުމަކީވެސް ޤާނޫނީގޮތުން ސުވާލު އޮތްކަމެކެވެ.
40. ޤާނޫނުގައި ކަނޑައެޅިގެން ވަކިގޮތަކަށް ބަޔާންކޮށްފައި ނުވާނަމަ، ވަކި މުދަލަކާ ގުޅޭގޮތުން އުފެދޭ ޝަޚްޞީ ޙައްޤުތައް (Jus ad rem) ތަންފީޒުކުރުމުގައި، ކޯޓުތަކުން ޢާންމުކޮށް ޢަމަލުކުރަނީ ޝަޚްޞީ އިޚްތިޞާޞާ ގުޅޭ އުޞޫލުތަކަށެވެ. އެގޮތުން، އެފަދަ މައްސަލަތަކުގައި ޝަރީޢަތް ކުރާނެ ކޯޓެއް ނުވަތަ ފޯރަމެއް ކަނޑައެޅުމުގައި ކޯޓުތަކުން އެންމެ އިސްކަންދޭ އަސާސީ ގޮތަކީ، ޒިންމާ އުފުލަންޖެހޭ ފަރާތުގެ މައްޗަށް ޝަޚްޞީ އިޚްތިޞާޞް ހިންގުމެވެ. މީގެ ސަބަބަކީ، އެފަދަ ޙައްޤަކީ ވަކި މުދަލަކާ ގުޅުންހުރި ކަންކަން ކަމުގައި ވީނަމަވެސް، އަސާސީ ގޮތުން އެއީ އެ މުދަލުގެ ޒިންމާ އުފުލަންޖެހޭ ފަރާތުގެ ޝަޚްޞީ އިލްތިޒާމަކާ ދެކޮޅަށް ތަންފީޒުކުރެވޭ ޙައްޤެއްކަމުގައި ވާތީއެވެ.
41. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާތިމާ އަދި އިތުރު 3 ފަރާތެއް ޤަޟިއްޔާ[16] ނިމުނުގޮތުގެ 22 ވަނަ ޕެރެގްރާފުގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ވިދާޅުވެފައިވެއެވެ.
"އާންމު ގޮތެއްގައި، އެކެއްގެ ފަރާތުން އަނެކެއްގެ މައްޗަށް ހައްގުތަކާއި އިލްތިޒާމްތައް އުފައްދައިދެނީ ދެފަރާތުގެ ދެމެދުގައި ވެވޭ ކޮންޓްރެކްޓެއްގެ ޒަރީއާއިންނެވެ. މިގޮތުން ކޮންޓްރެކްޓަކުން އުފައްދައިދޭ ހައްގުތަކާއި އިލްތިޒާމްތައް މައިގަނޑު ދެ ބަޔަކަށް ބެހެއެވެ. އެއީ ޝަޚުސުގެ މައްޗަށް އެފެދޭ ހައްގުތަކާއި ވާޖިބުތަކާއި މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތަކެވެ. ޝަޚުސުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތަކާއި މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތަކާމެދު ގާނޫނު ދެކެނީ ދެ ނަޒަރަކުންނެވެ. އެ ދެ ބާވަތުގެ ހައްގުތަކާއި ވާޖިބުތައް ތަންފީޒުކުރުމުގައި ކޯޓުތަކުން ފަރަގުތަކެއް ގެންގުޅެއެވެ."
42. އަދި ބުނެވިދިޔަ ސުޕްރީމް ކޯޓުގެ ޤަޟިއްޔާގެ 26 ވަނަ ޕެރެގްރާފުގައި ފަނޑިޔާރު ޙުސްނުއްސުޢޫދު އިތުރަށް ވިދާޅުވެފައިވަނީ؛ "ބިމަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ގާއިމުކުރެވޭ ކުލީގެ ހައްގުތަކާއި ރަހުނުގެ ހައްގާއި ކޯޓުތަކުން ގަބޫލުކުރާ ލިއެންގެ ހައްގަކީ މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކެއް..." ކަމަށެވެ.
ނުއުފުލޭ މުދަލަކާ ގުޅޭގޮތުން އުފެދޭ ޝަޚްޞީ ޙައްޤުތަކާ ގުޅިގެން އިޚްތިޞާސް ކަނޑައެޅުމުގައި ސިވިލް ކޯޓުން ޢަމަލުކުރާގޮތް
43. ނުއުފުލޭ މުދަލަކާ ގުޅޭގޮތުން އުފެދޭ ޝަޚްޞީ ޙައްޤުތަކާ ގުޅިގެން ޝަޚްޞީ އިޚްތިޞާސް އާއި، ޢައިނީ އިޚްތިޞާސް ފަރަގުކުރުމުގައި ސިވިލް ކޯޓުން ޢާއްމުކޮށް ޢަމަލުކުރާ ގޮތުގެ މިސާލަކަށް ބަލައިލުން މުހިއްމުކަމުގައި ދެކެމެވެ.
44. ބޭންކުތަކުން ނުވަތަ މާލީ އިދާރާތަކުން އެކި ފަރާތްތަކަށް ދޫކުރާ ލޯނުތަކަށް ރަށްރަށުގައި ހުންނަ ގޯތިގެދޮރު ރަހުނުކޮށްފައިވާ ޙާލަތުގައި، ލޯނު ނެގި ފަރާތުން އެއްބަސްވުމާ އެއްގޮތަށް ލޯނު ނުދައްކައިގެން ސިވިލް ކޯޓަށް ދަޢުވާކުރެއެވެ. އަދި އެފަދަ ދަޢުވާތަކުގައި، އެ ލޯނަށް އެ ގޯތިގެދޮރު ރަހުނުކޮށްފައިވާކަން ސާބިތުކޮށްދިނުމަށާއި، ލޯނު އަދާކޮށް ނިމެންދެން ރަހުނުގެ ޙައްޤު ދެމި އޮންނާނެކަމަށް ކަނޑައަޅައިދިނުމަށް އެދެއެވެ.
45. ގޯތިގެދޮރު ރަހުނުކުރުމަކީ އެ މުދަލުގެ ވެރިފަރާތަށް އެ މުދަލުގެ މައްޗަށް ލިބިފައިވާ ޢައިނީ ޙައްޤު (Jus in rem) އެކެވެ. ވެރިފަރާތުން އެ މުދާ ރަހުނުކޮށްފައި ނަގާ ލޯނަކާ ގުޅިގެން ރަހުނު ހިފި ފަރާތަށްވެސް އެ މުދަލަކާ ގުޅިގެން ޙައްޤުތަކެއް އުފެދެއެވެ. އެއީ، ވެރިފަރާތުން އެއްބަސްވެފައިވާ ގޮތަށް ލޯނުދެއްކުމަށް އޮންނަ އިލްތިޒާމާ ޚިލާފުވުމުން، އެ އިލްތިޒާމާ ދެކޮޅަށް ރަހުނު ހިފިފަރާތަށް ލިބިގެންދާ ޙައްޤުތަކެކެވެ.
46. ލޯނު ނެގި ފަރާތުން އެއްބަސްވުމާ އެއްގޮތަށް ލޯނު ނުދައްކައިގެން ސިވިލް ކޯޓަށް ދަޢުވާކުރާ، ރަހުނު ހިމެނޭ ލޯނުގެ މައްސަލަތަކުގައި، ރަށްރަށުގެ ގޯތިގެދޮރުވެސް އެ ލޯނަށް ރަހުނުކޮށްފައިވާކަން ސާބިތުކޮށް، ލޯނު އަދާކޮށް ނިމެންދެން ރަހުނުގެ ޙައްޤު ދެމިއޮންނާނެކަމަށް ކަނޑައަޅައި، އެ މުދަލާ ގުޅޭގޮތުން އެ މިންވަރަށް ސިވިލް ކޯޓުން ޙުކުމްކުރެއެވެ. ސިވިލް ކޯޓުގެ އެތައް ޤަޟިއްޔާއަކުން އެކަން ފާހަގަކުރެވިފައިވެއެވެ.17
47. ޙަޤީޤަތަކީ، ލޯނުގެ މައްސަލަތަކުގައި ރަށެއްގެ ބިމަކާ ނުވަތަ ގޯއްޗަކާ ނުވަތަ ނުއުފުލޭ މުދަލަކާ ގުޅޭގޮތުން ކުރިން މި ބަޔާންކުރި މިންވަރަށް ސިވިލް ކޯޓުން ގޮތެއްކަނޑައެޅުން، ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) އާ ޚިލާފުވާކަމަށް އެ ކޯޓުން ނުބަލާކަމެވެ.
48. އަދި ޙުކުމާ އެއްގޮތަށް ލޯނުގެ ފައިސާ ނުދެއްކިއްޖެނަމަ، ރަހުނާ ގުޅޭގޮތުން އެ ކަނޑައެޅި ކަނޑައެޅުމުގެ ނަތީޖާ ގޮސް ނިމޭނީ، ރަހުނު ތަންފީޒުކުރާ ޙާލަތުގައި މުދަލުގެ ވެރިފަރާތަށް އެ މުދަލުގެ މައްޗަށް ލިބިފައިވާ މިލްކުވެރިކަމުގެ ޙައްޤު ބީވެގެންދިއުމުގެ މައްޗަށެވެ. މާނައަކީ، ރަހުނު ތަންފީޒުކުރުމަށްޓަކައި އެ މުދަލާ ހަމައަށް ވާޞިލްވާން ޖެހުމުން ޢައިނީ (In rem) އިޚްތިޞާޞްގެ ޙާލަތެއް އުފަންވުމެވެ. އެކަން ގޮސް ނިމެނީ އެ ހިސާބަށްކަމަށްވީނަމަވެސް، ރަށްރަށުގެ ބިމާއި ގޯތިގެދޮރާއި ނުއުފުލޭ މުދަލުގެ ރަހުނު ސިވިލް ކޯޓުން ސާބިތުކޮށް ޙުކުމްކުރުން އެއީ ކޯޓުތަކުގެ ޤާނޫނުގެ ޖަދުވަލު 5 ގެ 3 ވަނަ ނަންބަރުގެ (ހ) އާ ޚިލާފުވާކަމެއް ކަމަކަށް އެ ކޯޓަކުން ނުދެކެއެވެ.
49. މިކަންކަމަށް ބެލުމުން، ނުއުފުލޭ މުދަލަކާ ގުޅޭގޮތުން އުފެދޭ ޝަޚްޞީ ޙައްޤުތަކާ ގުޅިގެން އިޚްތިޞާޞް ކަނޑައެޅުމުގައި، ސިވިލް ކޯޓުން ޢަމަލުކުރާ ގޮތްކަމަށް ފެންނަން އޮތީ، ތަންފީޒީ އިޖުރާއާތްތަކުގެ ނަތިޖާ ގޮސް ހުއްޓެނީ ޢައިނީ އިޚްތިޞާޞްއާ ހަމައަށްކަމަށްވީނަމަވެސް، އެކަމަށް ބެލުމެއް ނެތި، ހުށަހެޅިފައިވާ ދަޢުވާގައި އެހިނދަށް އެދިފައިވާ ފަރުވާއަށް/ކަންކަމަށް ރިޢާޔަތްކޮށް، ސީދާ އެ މުދަލާ ހަމައަށް ނުވަތަ އެ މުދަލުގެ މަޞްލަޙަތުތައް ތަންފީޒުކުރުމާ ހަމައަށް އެ މައްސަލައިގެ ތެރޭގައި އެހިނދު ވާޞިލްވާންޖެހޭކަން ނުވަތަ ނޫންކަމުގެ މައްޗަށް ބެލެވިގެން އިޚްތިޞާޞް ކަނޑައެޅުމެވެ.
50. އަހުރެންގެ ކުރިމަތީގައި މި އޮތް މައްސަލައިގައި، ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ރިޗްކްލަބް ގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ފޯމުތަކަށް ބަލާއިރު، ރިޗްކްލަބްގެ ފަރާތުން ހުށަހަޅަން ޤަޞްދުކުރާ މައުޟޫޢީ ދަޢުވާއަކީ، ރިޗްކްލަބާއި މިނިސްޓްރީ އޮފް ޓޫރިޒަމާއި ދެމެދު ވެފައިވާ ލީޒް އެގްރީމެންޓްތައް ބާޠިލުކުރުމުގެ ގޮތުން މިނިސްޓްރީ އޮފް ޓޫރިޒަމްގެ ފަރާތުން ފޮނުވާފައިވާކަމަށް ބުނާ ޓަރމިނޭޝަން ނޯޓިސްތަކަކީ ބާޠިލު އަދި އޭގެ މައްޗަށް ޢަމަލުކުރަންނުޖެހޭ ނޯޓިސްތަކެއްކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހަޅާ ދަޢުވާއެއްކަން އެނގެން އޮވެއެވެ.
51. ސުވާލަކީ، ރަށެއްގައިވާ ބިންބިމާއި، ގޯތިގެދޮރާއި ނުއުފުލޭ މުދާ ލޯނަކަށް ރަހުނުކޮށްފައިވާކަން ސިވިލް ކޯޓުން ސާބިތުކޮށް، އެ ލޯނު އަދާކޮށް ނިމެންދެން ރަހުނުގެ ޙައްޤު ދެމިއޮންނާނެކަމަށް ސިވިލް ކޯޓަށް ޙުކުމްކުރެވޭއިރު، ރަށެއްގައި އޮންނަ ބިމަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ޤާއިމުކުރެވޭ ކުލީގެ އެއްބަސްވުމެއް ބާޠިލުކޮށް އެ އެއްބަސްވުމުގެ އެއް ބައިވެރިއަކު ފޮނުވާ ޓަރމިނޭޝަން ނޯޓިހަކީ ބާޠިލު އަދި އެ މައްޗަށް ޢަމަލުކުރަންނުޖެހޭ ނޯޓިހެއްކަމަށް ކަނޑައަޅައިދިނުމަށް އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާ ހުށަހަޅާ މައްސަލައެއް ސިވިލް ކޯޓަށް ނުބެލޭނެ ޤާނޫނީ ހަމައަކީ ކޮބައިހެއްޔެވެ؟ މި ދެ މިސާލުގައި ބަޔާންކުރެވިފައިވާ މައްސަލަތަކުގައި އިޚްތިޞާޞް ތަފާތުވާންޖެހެނީ ޤާނޫނީ ކޮން ސަބަބަކާ ހުރެ ހެއްޔެވެ؟ ތަންފީޒީ އިޖުރާއާތްތަކުގެ ނަތިޖާ ގޮސް ހުއްޓެނީ ޢައިނީ އިޚްތިޞާޞްއާ ހަމައަށްކަމަށްވީނަމަވެސް، މައްސަލައިގައި އެދޭ ފަރުވާއަށް/ކަންކަމަށް ރިޢާޔަތްކޮށް، ޢައިނީ އިޚްތިޞާޞް ހިނގާ ކަމަކާ ހަމައަށް ނުވަތަ އެފަދަ އިޖުރާއަތަކާ ހަމައަށް އެ މައްސަލައިގެ ތެރޭގައި ވާޞިލްވާންޖެހޭކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، މި ދެ މިސާލުގައި އޮތީ ކޮން ތަފާތެއް ހެއްޔެވެ؟
52. ތިރީގައި ބަޔާންކުރެވޭ ނުކުތާތަކުގައި އަހުރެން ފާހަގަކުރަން ހުރި ކަންކަމަށް ރިޢާޔަތްކޮށް، އެ ސުވާލުތަކަށް މި އިސްތިއުނާފީ މައްސަލައިގައި ޖަވާބެއްދީފައެއް ނުވާނެއެވެ.
އަމުރު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ވަގުތީ އަމުރެއް ނެރުން
53. ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، އެއީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަމުގައި ވާނަމައެވެ. ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ވާނަމައެވެ.18
54. ޚަޞްމެއްގެ ޣައިރު ޙާޟިރުގައި ނެރޭ ex parte ވަގުތީ އަމުރުތަކަކީ، މައްސަލައެއްގައި ހިމެނޭ ދެފަރާތުގެ ބަސް އިވުމުގެ ޙައްޤު ލިބިދޭ "ތަބީޢީ އިންސާފު" (natural justice) ގެ އަސާސީ އުޞޫލަށް އޮތް އިސްތިސްނާއެކެވެ. ޢާންމު އުޞޫލެއްގެ ގޮތުން، މިފަދަ އަމުރުތައް ނެރެދެވެނީ، އަނެއް ޚަޞްމުގެ ބަހެއް ހޯދައިގެން ގޮތެއް ކަނޑައެޅުމަށް ހޭދަވާ މުއްދަތުގައި އަމުރަށް އެދޭ ފަރާތުން އެދޭ ފަރުވާގެ މުއާލާތް ކެނޑި، އަދި އެފަރާތަށް ލިބިދާނެ ގެއްލުމަކަށް ނަގައިދެވޭ ބަދަލަކީ ފުދޭ ފަރުވާ (Damages an adequate remedy) އެއްކަމުގައި ނުބެލޭފަދަ، ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކައި ކުއްލި ފިޔަވަޅެއް އަޅަންޖެހޭ ޚާއްޞަ ޙާލަތްތަކުގައި އެކަންޏެވެ. މިސާލަކަށް، ކުޑަކުއްޖަކު ޤައުމުން ބޭރަށް ގެންދިއުން ހުއްޓުވުމަށް ނެރޭ އަމުރުތަކާއި، ފޮރުވައިފާނެ ނުވަތަ ނައްތާލައިފާނެ ކަމަށް ބެލެވޭ މުދަލެއް ނުވަތަ ފައިސާއެއް ހިފެހެއްޓުމަށް ނެރޭ އަމުރުތައް މީގެ ތެރޭގައި ހިމެނެއެވެ.
55. ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 115 ވަނަ މާއްދާގެ (ނ) އަށް ބަލާއިރު، ޚަޞްމެއްގެ ޣައިރު ޙާޟިރުގައި އަމުރެއް ނެރެދޭންވާނީ ވަކި ޙާލަތްތަކެއް މެދުވެރިވެފައިވާކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމައެވެ. އެ ޙާލަތްތަކަކީ؛
55.1. އެ އަމުރަކީ އަވަހަށް ނެރެންޖެހޭ އަމުރެއްކަމަށްވުން؛ ނުވަތަ 55.2. ހެކި ނައްތައިލަފާނެކަމުގެ ބިރު އޮތުން؛ ނުވަތަ 55.3. ފައިސާއެއް ޤައުމުން ބޭރަށް ނުވަތަ އެހެން ފަރާތަކަށް ތަޙުވީލުކުރުމުގެ އިޙްތިމާލު އޮތުން؛ ނުވަތަ 55.4. މުދަލެއްގެ މިލްކުވެރިކަން ބަދަލުކުރުމުގެ އިޙްތިމާލު އޮތުން؛ ނުވަތަ 55.5. އެފަދަ އަމުރެއް ޢައިރު ޙާޟިރުގައި ނެރެންޖެހޭ އެހެންވެސް ސަބަބެއް އޮތްކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވުމެވެ.
56. ޚަޞްމެއްގެ ޣައިރު ޙާޟިރުގައި ނެރޭ ވަގުތީ އަމުރުތަކާ ގުޅިގެން އެ އަމުރު ރައްދުވާ ފަރާތުން އެ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުން، އެ ފަރާތުގެ ވާހަކަ އަޑުއަހައި، އެ އަމުރު މުރާޖަޢާކުރެވޭނެ ހަމަތަކެއް ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 115 ވަނަ މާއްދާގެ (ބ) ގައި ބަޔާންކޮށްފައިވެއެވެ.
57. ވަގުތީ އަމުރެއް ހޯދަން އެދިފައިވަނީ އަމުރު ރައްދުވާ ފަރާތުގެ ޣައިރު ޙާޟިރުގައި ކަމަށްވާނަމަ، އެ އަމުރަށް އެދިފައިވާ ފޯމު، އަމުރު ރައްދުވާ ފަރާތަށް ފޮނުވައި، އެ ފަރާތުގެ ބަހެއް ހޯދަން ނުޖެހޭނެކަމަށް ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 115 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދައިގެން ގޮތެއް ކަނޑައެޅުމަށް ހޭދަވާ މުއްދަތުގައި އަމުރަށް އެދޭ ފަރާތުން އެދޭ ފަރުވާގެ މުއާލާތް ކެނޑި، ނުވަތަ އަމުރަށް އެދޭ މަޤުޞަދު ގެއްލި، އަމުރަށް އެދޭ ފަރާތަށް ފޫނުބެއްދޭވަރުގެ ބޮޑު ގެއްލުމެއް ލިބިދާނެތީއެވެ. އަދި އަމުރު ރައްދުވާ ފަރާތުން އެ އަމުރު މުރާޖަޢާކޮށްދިނުމަށް އެދި ހުށަހެޅުމުން، ކަނޑައެޅިފައިވާ ހަމަތަކާ އެގޮތްވާގޮތުގެ މަތިން، ޠަބީޢީ އިންސާފުގެ ދޮރު އެ ފަރާތަށް ހުޅުވައިދީ، ހަމަ އެ މަރުޙަލާގައި އެ ފަރާތުގެ ވާހަކަ އަޑުއަހަން ފުރުޞަތު ފަހިކޮށްދެވޭތީއެވެ.
58. މި މައްސަލައިގައި ރިޗްކްލަބްގެ ފަރާތުން ދަޢުވާ ހުށަހެޅުމުގެ ކުރިން އަމުރު ރައްދުވާ ފަރާތުގެ ޢައިރު ޙާޟިރުގައި ވަގުތީ އަމުރަކަށް އެދިފައިވާއިރު، އެ އަމުރު ނެރުމާމެދު ގޮތެއް ނިންމުމުގެ ދާއިރާއިން ބޭރުވެ، އެ އަމުރުގެ މައްސަލަ(ތައް) ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންނުވާ ކަމަށް ކަނޑައަޅައި، ޤާނޫނީ އެހެން ނުކުތާއަކަށް ރިޢާޔަތްކޮށް ގޮތް ނިންމާފައިވަނީ އަމުރު ރައްދުވާ ފަރާތުގެ ބަހެއް، އެ ނުކުތާއާމެދު އެ ފަރާތުން ދެކޭ ގޮތެއް ހޯދުމަކާ ނުލައެވެ.
59. މި މައްސަލައަކީ ސިވިލް ކޯޓަށް ތަޙްވީލުކުރަންޖެހޭ މައްސަލައެއްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ދެކޭނަމަ، އަދި މި މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނީ އަމުރު ރައްދުވާ ފަރާތަށް ނޯޓިސް ފޮނުވައި، ލިޔުންތައް ރައްދުކޮށް، އެފަރާތުގެ ޙާޟިރުގައިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ފެންނަނަމަ، އަމުރު ރައްދުވާ ފަރާތަށް ލިޔުންތައް ފޮނުވައިގެން އެ ފަރާތުގެ ޙާޟިރުގައި ސިވިލް ކޯޓުން މައްސަލަ ކުރިއަށް ގެންދިއުމަށް އިޢުތިރާސްނުކުރާކަމަށް ރިޗްކްލަބްގެ ފަރާތުން ބުނެފައިވެއެވެ.
60. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާ 19 ނިމުނުގޮތުގެ 69 ވަނަ ޕެރެގްރާފުގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ވިދާޅުވެފައިވަނީ، "... މައްސަލައެއް ބެލުމުގެ ތެރޭގައި މައްސަލައިގެ ޚަޞްމުން ފާހަގަނުކުރާ، އެހެންނަމަވެސް ފާޅުކަންބޮޑު ގޮތެއްގައި ފަނޑިޔާރަށް ފާހަގަކުރެވޭ ޤާނޫނީ ކަމެއްވާނަމަ، އެކަމަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން، އެކަމަކާމެދު މައްސަލައިގެ ޚަޞްމުން ދެކޭގޮތް ހޯދަންވާނެއެވެ. އަދި ޚަޞްމުން އެދޭނަމަ، އެއް ފަރާތުން އަނެއް ފަރާތާ ދައްކާ ވާހަކަތައް ޖަދަލުކޮށް ތައުނުކުރުމުގެ ފުރުޞަތު ދެވެންވާނެއެވެ." މިފަދައިންނެވެ.
61. އެހެންކަމުން ދަޢުވާ ހުށަހެޅުމުގެ ކުރިން އަނެއް ފަރާތުގެ ޣައިރު ޙާޟިރުގައި ވަގުތީ އަމުރެއް ނެރެދިނުމަށް އެދި ރިޗްކްލަބްގެ ފަރާތުން ހުށަހެޅި މައްސަލަތަކުގައި، އެ އަމުރު ނެރުމާ ގުޅޭގޮތުން ސާފުކުރަންޖެހޭ ޤާނޫނީ ގޮތުން ފާޅުކަން ބޮޑު ކަމެއް އޮތްނަމަ، ހަމައެކަނި ރިޗްކްލަބުގެ ކިބައިން އެކަމެއް ސާފުކުރުމުން ފުދޭނެއެވެ. އެހެންނަމަވެސް އެ އަމުރު ނެރުމާމެދު ގޮތެއް ނިންމުމުގެ ދާއިރާއިން ބޭރުވެ، އެ މައްސަލަތައް ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާކަމާމެދު ސުވާލު އުފެދޭފަދަ ޤާނޫނީގޮތުން ފާޅުކަން ބޮޑު ކަމެއް އޮތްނަމަ، އިޚްތިޞާޞާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން އެ މައްސަލަތައް ރައްދުވާ ފަރާތުގެވެސް ބަހެއް ހޯދުމަކީ އެންމެ ސާދާ އިޖުރާއާތެވެ. މައްސަލައެއް ބެލުމުގެ ތެރޭގައި މައްސަލައިގެ އެއްވެސް ޚަޞްމަކު ފާހަގަނުކުރާ، އެހެންނަމަވެސް ޤާނޫނީ ގޮތުން ފާޅުކަން ބޮޑު ކަމެއް ފާހަގަކުރެވެން އޮތްނަމަ ދެން ޢަމަލުކުރާނެ ގޮތަކާގުޅޭގޮތުން، ބުނެވިދިޔަ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޟާ ޤަޟިއްޔާގައި ޤާއިމުކޮށްފައިވާ އުޞޫލު އެންމެ ފުރިހަމައަށް ނެގެހެއްޓޭނީ އޭރުންނެވެ. އިޚްތިޞާޞާމެދު އޮތް ސުވާލާ ގުޅިގެން ސިވިލް ކޯޓުން ނިންމި ނިންމުމާމެދު އިސްތިއުނާފީ މި މަރުޙަލާގައި ގޮތެއް ނިންމުމަށްޓަކައި ބޭނުންވާ ދެފަރާތުގެ ހަރިޖެހުންތައް ސިވިލް ކޯޓަށް ހުށަހެޅިފައި ހުންނާނީވެސް އޭރުންނެވެ.
62. ފުރަތަމަ މަރުޙަލާގައި މި މައްސަލަ ބެލީ ސިވިލް ކޯޓުންނެވެ. ރިޗްކްލަބްގެ ފަރާތުން ހުށަހެޅި ވަގުތީ އަމުރުގެ މައްސަލަ ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެން ނުވާކަމަށް ނިންމާފައިވަނީ މައްސަލަ ރައްދުވާ ފަރާތުގެ ބަހެއް ހޯދުމަކާނުލައިކަމަށްވާތީ، މި އިސްތިއުނާފީ މައްސަލަ މި ކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތެއް ނެތް މައްސަލައެއްގެ ގޮތުގައެވެ.
63. ސިވިލް ކޯޓުގައި މައްސަލަ ރައްދުވި ފަރާތް މި އިސްތިއުނާފީ މައްސަލައަށް ތަދައްޚުލުކޮށް، އިސްތިއުނާފީ މަރުޙަލާގައި އެ ފަރާތުގެ ބަހެއް ހޯދައިގެން ސިވިލް ކޯޓުން ނިންމި ނިންމުމާމެދު މިކޯޓުން ފައިޞަލާކުރަނިވި ނިންމުމެއް ނިންމުމަކީ ކަތި އިޖުރާއަތެކެވެ. އެގޮތަށް އެކަން ކޮށްފިނަމަ، ސިވިލް ކޯޓަށް މި މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވޭތޯ ކުރެވޭ ޤާނޫނީ ބަޙުޘަށް ފުރަތަމަ މަރުޙަލާގައި ބަސްބުނުގެ ފުރުޞަތު އެ ފަރާތަށް ގެއްލޭނެއެވެ.
64. ރިޗްކްލަބްގެ ފަރާތުން ދަޢުވާ ހުށަހެޅުމުގެ ކުރިން ނެރެދިނުމަށް އެދިފައިވާ ވަގުތީ ފަރުވާގެ އަމުރު(ތަކު)ގައި، އެދިފައިވާ 03 (ތިނެއް) ކަންތަކަށް ބަލާއިރު، ޓަރމިނޭޝަން ނޯޓިސް ފޮނުވުމުގެ ކުރީގެ ޙާލަތުގައި ބިމުގެ އެންމެހާ ޙައްޤުތަކާއި ވާޖިބުތައް އޮތްކަމަށް ބަލައިގެން ޓަރމިނޭޝަން ނޯޓިހަށް ޢަމަލުކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމާއި ދައުލަތުގެ ކަމާބެހޭ އެންމެހާ އިދާރާތަކުގެ މައްޗަށް އެންގުމަށް އޮތް އޮތުމަކީ، ޢިބާރާތްކޮށްފައިވާ ގޮތުން، ބިމުގެ ޙިޔާޒަތީ ޙައްޤުގެ މައްޗަށް ސީދާ އަމާޒުވާ ކަމެއްކަމުގައި ބަޙުޘްގެ ބޭނުމަށް ބެލިނަމަވެސް، ރިޗްކްލަބްގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ އަމުރު(ތަކު)ގައި ދެން އެދިފައިވާ ކަންކަމަކީ، އެ މައްސަލައިގެ ތެރެއިން ބިމުގެ ޙިޔާޒަތީ ޙައްޤާ ހަމައަށް ވާޞީލުވެ، އެ ޙައްޤު ތަންފީޒުކުރަންޖެހޭފަދަ އިޖުރާއާތްތަކެއް ހިންގަންޖެހޭފަދަ ކަންތަކެއްތަކެއް ކަމަކަމަށް ނުބެލެވެއެވެ.
65. ވަގުތީ ފަރުވާގެ ފިޔަވަޅުތައް އެޅުމަށް އަމުރުކުރުމުގެ ބާރު، މައްސަލައެއް މައުޟޫޢީގޮތުން ނިންމުމުގެ އިޚްތިޞާޞް ލިބިގެންވާ ކޮންމެ ކޯޓަކަށްވެސް ލިބިގެންވާކަމަށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 48 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.
66. އެހެންކަމުން ރިޗްކްލަބްގެ ފަރާތުން ހުށަހަޅަން ޤަޞްދުކުރާ ދަޢުވާތަކުގެ ގޮތުގައި ވަގުތީ އަމުރަށް އެދޭ ފޯމުގައި ބަޔާންކޮށްފައިވާ ދަޢުވާތަކަކީ، ސިވިލް ކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ ދަޢުވާތަކެއްކަމަށްވާނަމަ، ރިޗްކްލަބްގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރުތަކާމެދު ގޮތެއް ކަނޑައެޅުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާނެ ކަމާމެދު ބަޙުޘެއް ނެތެވެ.
67. އަދި ސިވިލް ކޯޓަށް މި މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ލިބިގެންވޭތޯ އުފެދިފައިވާ ބަޙުޘަށް އަމުރު ރައްދުވާ ފަރާތުގެ ބަހެއް ހޯދައިގެން ކުރިއަށް ގެންދަންޖެހޭކަމަށް ފެންނާތީއާއި، އަދި މި މައްސަލަތަކަކީ ތަޙްވީލުކުރަންޖެހޭ މައްސަލަތަކެއްކަމުގައިވާނަމަ، އަދި އެ ޙާލަތުގައި ސިވިލް ކޯޓުގައި ކުރިއަށް ގެންދެވޭނީ އަމުރު ރައްދުވާ ފަރާތަށް ނޯޓިސް ފޮނުވައި، ލިޔުންތައް ރައްދުކޮށް، އެފަރާތުގެ ޙާޟިރުގައިކަމަށް ދިވެހިރާއްޖޭ ހައިކޯޓަށް ފެންނަނަމަ، އެގޮތުގެމަތިން ސިވިލް ކޯޓުން ކުރިއަށް ގެންދިއުމާމެދު އިޢުތިރާސްނުކުރާކަމަށް ރިޗްކްލަބްގެ ފަރާތުން ބުނެފައިވާތީ، ރިޗްކްލަބްގެ ފަރާތުން ހުށަހަޅާފައިވާ ވަގުތީ އަމުރަށް އެދޭ ފޯމުތައް އަމުރު ރައްދުވާ ފަރާތަށް ފޮނުފައި، އެ ފަރާތުގެ ބަހެއް ހޯދައިގެން ސިވިލް ކޯޓުން މި މައްސަލަތައް އަލުން ކުރިއަށް ގެންދިއުމަކީ މި މައްސަލަތަކުގެ ބޭނުމަށްޓަކައި، ސިވިލް ކޯޓުގެ މަދަނީ އިޖުރާއަތުގެ ޤަވާޢިދުގެ 115 ވަނަ މާއްދާ (ށ) ހުރަސްއަޅާނޭ ކަމެއް ނޫންކަމުގައި އަހުރެން ދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
68. އިސްވެ ފާހަގަކުރެވުނު ކަންކަން އެހެން ހުރުމުން؛
68.1. ސިވިލް ކޯޓުގެ ނަންބަރު 2734-CVC-2025 ޤަޟިއްޔާގެ ނިންމުމާއި އަދި އެ ކޯޓުގެ ނަންބަރު 2769-CVC-2025 ޤަޟިއްޔާގެ ނިންމުން ބާޠިލުކުރަންޖެހޭކަމަށް ދެކެމެވެ.
68.2. އަދި އެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަން ނުވަތަ ނޫންކަމާމެދު އެ މައްސަލަތައް ރައްދުވާ ފަރާތުގެ ބަހެއް ހޯދައިގެން، އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި، އަދި އެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅާ ޙާލަތެއްގައި ރިޗްކްލަބްގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާމެދު ގޮތެއް ނިންމުމަށްޓަކައި މި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކުރުމަށް ފެނެއެވެ.
ފަނޑިޔާރު ފާޠިމަތު ފަރްހީޒާގެ ރައުޔު
1. މި މައްސަލަތަކުގައި ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔުގެ 53 ވަނަ ޕެރެގްރާފުން ފެށިގެން ބަޔާންކޮށްފައިވާ ސަބަބުތައް އެހެން ހުރުމާއެކު، ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ ފާހަގަކޮށްފައިވާ ފަދައިން މި މައްސަލަތައް ނިންމުމަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު އިބްރާހީމް މާހިރުގެ ރައުޔު
2. މި މައްސަލަތަކުގައި ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާގެ ރައުޔުގެ 53 ވަނަ ޕެރެގްރާފުން ފެށިގެން ބަޔާންކޮށްފައިވާ ސަބަބުތައް އެހެން ހުރުމާއެކު، ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ ފާހަގަކޮށްފައިވާ ފަދައިން މި މައްސަލަތައް ނިންމުމަށް އަހުރެން ތާއީދުކުރަމެވެ.
އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން
69. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. ޢާންމު އުޞޫލެއްގެ ގޮތުން[20] ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަ އިސްތިއުނާފުކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުން ނިންމާތާ 30 (ތިރީސް) ދުވަހުގެ ތެރޭގައެވެ.21 މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކުރާ ތާރީޚުން ފެށިގެންނެވެ.22 އެގޮތަށް އެކަން އެހެން އޮތްނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާއަށް ބިނާކޮށް މައްސަލަ އިސްތިއުނާފުކުރުމަކަށް ހުރަހެއްނެތެވެ.23
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 2734-CVC-2025 ޤަޟިއްޔާގެ ނިންމުމާއި އަދި އެ ކޯޓުގެ ނަންބަރު 2769-CVC-2025 ޤަޟިއްޔާގެ ނިންމުން ބާޠިލުކަމަށް ކަނޑައަޅައި، އެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަން ނުވަތަ ނޫންކަމާމެދު އެ މައްސަލަތައް ރައްދުވާ ފަރާތުގެ ބަހެއް ހޯދައިގެން، މި ޤަޟިއްޔާގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، އަލުން ބަލައި ގޮތެއް ކަނޑައެޅުމަށްޓަކައި، އަދި އެ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސިވިލް ކޯޓަށް ލިބިގެންވާކަމަށް ކަނޑައަޅާ ޙާލަތެއްގައި ރިޗްކްލަބްގެ ފަރާތުން ނެރެދިނުމަށް އެދިފައިވާ ވަގުތީ އަމުރާމެދު ގޮތެއް ނިންމުމަށްޓަކައި، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 46 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 291 ވަނަ މާއްދާގެ (ބ) ގެ (3) ވަނަ ނަންބަރުގެ ދަށުން، މި މައްސަލަ ސިވިލް ކޯޓަށް ތަޙްވީލުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ
ފަނޑިޔާރު އިބްރާހީމް މާހިރު
ފަނޑިޔާރު ޢަބްދުﷲ ޖަމީލް މޫސާ (ރިޔާސަތު)
ފަނޑިޔާރު ފާޠިމަތު ފަރްހީޒާ
[1] ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާ
[2] ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/31 ޤަޟިއްޔާގެ 13 ވަނަ ޕެރެގްރާފް
[3] މީގެ ފަހުން؛ "މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް" ނުވަތަ "މިނިސްޓްރީ އޮފް ޓޫރިޒަމް" ނުވަތަ "މިނިސްޓްރީ" ކަމަށް ބަޔާންކުރެވިފައި
[4] މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓްގެ ނަންބަރު 88-LS/PRIV/2025/1073 އަދި ނަންބަރު 88-LS/PRIV/2025/1072 ޓަރމިނޭޝަން ނޯޓިސް
[5] މީގެ ފަހުން، "މަދަނީ އިޖުރާއަތުގެ ޤާނޫނު" ކަމަށް ބަޔާންކުރެވިފައި
[6] މީގެ ފަހުން؛ "ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު" ނުވަތަ "ކޯޓުތަކުގެ ޤާނޫނު" ކަމަށް ބަޔާންކުރެވިފައި
[7] މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 99 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރަށް ބަލާއިރު، ކޯޓަކަށް މައްސަލައެއް ހުށަހެޅުމާއެކު، އެ މައްސަލައަކީ، އެކޯޓަށް ބެލުމުގެ އިޚްތިޞާޞް ލިބިގެންވާ މައްސަލައެއްތޯ އެ ކޯޓަކުން ބަލަންވާނެއެވެ.
[8] މި ކޯޓުގެ ނަންބަރު: 2020/HC-A/179 (ޕަބްލިކް ސަރވިސް މީޑިއާ ވ. އައުޑްޑޯރ އެންޓަރޓައިންމެންޓް ނެޓްވޯރކް ޕްރައިވެޓް ލިމިޓެޑް) ޤަޟިއްޔާގެ 10 ވަނަ ޕެރެގްރާފުގެ ޚުލާޞާ
[9] Jus in rem (Right against a thing) Jus in rem) އާއި، Right in a thing) Jus in rem) އަކީ ޤާނޫނީ ދާއިރާގައި ބޭނުންކުރާ ދެ މުޞްޠަލަޙެވެ. އެހެންނަމަވެސް ޒަމާނީ ސިވިލް ލޯ ނިޒާމުގައި، މުދަލެއްގެ މައްޗަށް އޮންނަ މުޠުލަޤު އަދި ފުރިހަމަ ޙައްޤު ބަޔާންކުރުމަށްޓަކައި ބޮޑަށް އިސްކަންދެނީ Jus in re މި މުޞްޠަލަޙަށެވެ. އެއާ ޚިލާފަށް Jus in rem އަކީ ފުޅާ މަފްހޫމެއްގައި ބޭނުންކުރާ މުޞްޠަލަޙެކެވެ. އެގޮތުން އެއީ، މުޅި ދުނިޔެއަށް ނުވަތަ އެންމެންގެ މައްޗަށް ހިނގާ، އަދި ކޮންމެ މީހަކާ ދެކޮޅަށްވެސް ދަޢުވާކުރެވޭނެފަދަ ޢާއްމު ޙައްޤެއްކަން ބަޔާންކޮށްދޭ މުޞްޠަލަޙެކެވެ. ޤާނޫނީ ތަފާތު ނިޒާމުތަކުގައި މި ދެ މުޞްޠަލަޙް މާނަކުރުމުގައި ކުދިކުދި ތަފާތުތަކެއް ހުރިނަމަވެސް، މައިގަނޑި ގޮތެއްގައި Jus in re އިން ދޭހަކޮށްދެނީ މިލްކުވެރިކަމުގެ ފުރިހަމަ އަދި އަސާސީ ޙައްޤެވެ. ގިނަފަހަރަށް މި ދެ މުޞްޠަލަޙަކީ އެއް މާނަ ދޭހަވާގޮތަށް ބޭނުންކުރެވޭ ދެ މުޞްޠަލެޙެވެ.
[10] Henry Campbell Black, M.A., Black’s Law Dictionary Revised 4th Edition (St. Paul, Minn. West Publishing Co., 1968) p. 1487
[11] Ibid p. 997
[12] Austin v. Royal League, 316 Ill. 188, 147 N.E. 106, 109.
[13] Pennoyer v. Neff, 95 U.S. 734, 24 L. Ed. 565; Continental Gin Co. v. Arnold, 66 Oki. 132, 167 P. 613, 617, L.R.A.1918B, 511. In Pennoyer v. Neff, 95 U.S. 734, 24 L. Ed. 565, the court said : "It is true that, in a strict sense, a proceeding in rem is one taken directly against property, and has for its object the disposition of property, without reference to the title of individual claimants; but, in a larger and more general sense, the terms are applied to actions between parties, where the direct object is to reach and dispose of property owned by them, or of some interest therein. Such are cases commenced by attachment against the property of debtors, or instituted to partition real estate, foreclose a mortgage, or enforce a lien. So far as they affect property in this state, they are substantially proceedings in rem in the broader sense which we have mentioned."
[14] Henry Campbell Black, M.A., Black's Law Dictionary Revised 4th Edition (St. Paul, Minn. West Publishing Co., 1968) p. 47
[15] Ibid. p. 995
[16] [2021] SC 39
[17] އެގޮތުން، ސިވިލް ކޯޓުގެ ނަންބަރު 4256-CVC-2025 (ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ޕރކ ވ. ފާޠިމަތު ވަޙީދާ އަދި ޢާއިޝަތު ނިއުޒާ) ޤަޟިއްޔާއާއި، ނަންބަރު 3999-CVC-2025 (ބޭންކް އޮފް މޯލްޑިވްސް ޕރކ ވ. މައުމޫން މުޞްޠަފާ އަދި އާމިނަތު ނުޒުހަތު) ޤަޟިއްޔާއާއި، ނަންބަރު 2622-CVC-2025 (ބޭންކް އޮފް މޯލްޑިވްސް ޕރކ ވ. އަލްމަރުޙޫމް ޢަލީ މޫސާގެ ވާރިޘުން އަދި އަޙްމަދު ޔޫހް ނަޒީރު) ޤަޟިއްޔާއާއި، ނަންބަރު 2601-CVC-2025 (އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް ވ. ޠާރިޤު ރަޝީދު އަދި އިތުރު 02 ފަރާތެއް) ޤަޟިއްޔާއާއި، ނަންބަރު 3726-CVC-2024 (ބޭންކް އޮފް މޯލްޑިވްސް ޕރކ ވ. އާދަމް ނަސީރު އަދި އިތުރު 02 ފަރާތެއް) ޤަޟިއްޔާއާއި، ނަންބަރު 381-CVC-2024 (ބޭންކް އޮފް މޯލްޑިވްސް ޕރކ ވ. އަލްމަރުޙޫމް ޙުސައިން ޢަބްދުލްޤާދިރުގެ ވާރިޘުން އަދި ރިޔާސް ޙުސައިން) ޤަޟިއްޔާއާއި، ނަންބަރު 3217-CVC-2022 (ބޭންކް އޮފް މޯލްޑިވްސް ޕރކ ވ. އަޒްހަރު ރަފީޢު އަދި މުޙައްމަދު ހާޝިމް) ޤަޟިއްޔާއާއި، އަދި މިނޫނަސް އިތުރު އެތައް ޤަޟިއްޔާއެއް ފާހަގަކުރެވެއެވެ.
[18] މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243 ވަނަ މާއްދާގެ (ށ)
[19] [2021] SC 98
[20] ޢާންމު އުޞޫލަށް ދެވޭ އިސްތިސްނާ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވެއެވެ.
[21] މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ހ)
[22] މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ށ)
[23] މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.