މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2016/HC-A/256، 1896/Cv-C/2015
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވާރިސުން ހުށަހެޅި 1896/Cv-C/2015 ގައި ސިވިލް ކޯޓުން ނިންމީ، ތަރިކައާބެހޭ ދައުވާގެ ޤާނޫނުގެ 60 ދުވަހުގެ ތެރޭ ދައުވާ ނުކުރުމުން އެއްބަސްވުމުގެ ޙައްޤު ނުލިބޭ ކަމަށެވެ. ތަން ހުސްކުރަން އަމުރުކުރި. ހައިކޯޓުން 2016/HC-A/256 ގައި ޙުކުމް ދެމެހެއްޓި.
- ވާޤިޢާ
- 2000 ވަނަ އަހަރުގެ އެއްބަސްވުމެއްގެ ދަށުން، ޙަސަން ގާސިމް ނަގާފައިވާ 1,175,632 ރުފިޔާގެ ދަރަނި އަދާކުރެވެންދެން ބަންޑާރަ ގޯތީގެ ބައެއްގެ އިމާރާތްތައް އިސްތިއުނާފުކުރި ފަރާތާ ހަވާލުކޮށް ކުއްޔަށްދީ ފައިދާ ހޯދުމުގެ ޙައްޤު ދިނެވެ. ޙަސަން ގާސިމް 2007 ގައި ނިޔާވުމަށްފަހު 2015 ގައި ވާރިސުން ތަން ހުސްކުރަން ދައުވާކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޮންޓްރެކްޓެއްގެ ބައިވެރިއަކު މަރުވުމަށްފަހު ތަރިކައާބެހޭ ދައުވާގެ ޤާނޫނުގައިވާ 60 ދުވަހުގެ ތެރޭގައި އަނެއް ބައިވެރިޔާ ވާރިސުންގެ މައްޗަށް ދައުވާ ނުކުރުމުން އެ ކޮންޓްރެކްޓު ނިމުމަކަށް އަންނާނެތޯއާއި، އެއީ ކޯޓުން ތަންފީޛުކޮށް ނުދޭނެ ކޮންޓްރެކްޓަކަށް ވާނެތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ފަރާތުން ބުނީ، ކޮންޓްރެކްޓާބެހޭ ޤާނޫނަށް ރިޢާޔަތް ނުކުރި ކަމަށާއި، ވާރިސުން އެއްބަސްވުމުގައި ސޮއިކޮށްފައިވާތީ އެއަށް ޙުރުމަތްތެރިވުން ލާޒިމު ކަމަށާއި، ވާރިސުންނަށް އެނގޭ މުޢާމަލާތެއްގައި 60 ދުވަހުގެ ތެރޭ ދައުވާކުރަން ނުޖެހޭ ކަމަށާއި، ތަރިކައާބެހޭ ދައުވާގެ ޤާނޫނު ރަނގަޅަށް މާނަނުކުރި ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- 60 ދުވަހުގެ މުއްދަތު ހިނގަނީ މަރްޙޫމްގެ ޝަޚްޞުގެ މައްޗަށް ކުރާ ދައުވާތަކާއި ވަޞިއްޔަތުގެ ދައުވާތަކަށް ކަމަށާއި މުދަލުގެ ޙައްޤުތަކަށް ނުހިނގާ ކަމަށް ކޯޓުން ކަނޑައެޅިއެވެ. ނަމަވެސް ބަންޑާރަ ގޯތި ވިއްކޭ މުދަލެއް ނޫންތީ ސައްޙަ ރަހުނެއް ނުއުފެދި އެއްބަސްވުން ޣައިރު ޤާނޫނީވާތީ، ލިބުނު މަންފާ ޒިމްނީ ޓްރަސްޓެއްގެ ދަށުން ރައްދުކުރަން ޖެހޭ ކަމާއި ދަރަނި ތަރިކައިން އަދާކުރަން ޖެހޭ ކަމަށް ނިންމިއެވެ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުސިވިލް ކޯޓުގެ 1896/Cv-C/2015 އާއި ހައިކޯޓުގެ 2016/HC-A/256 ގެ ޙުކުމްތައް ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކުރި. މަރްޙޫމް ޙަސަން ގާސިމް ނަގާފައިވާ 1,175,632.00 ރުފިޔާއަކީ އޭނާގެ މުދަލުން އިސްތިއުނާފުކުރި ފަރާތަށް ދައްކަންޖެހޭ ދަރަންޏެއް ކަމަށާއި، ފެށުނީއްސުރެ ޣައިރު ޤާނޫނީ އެއްބަސްވުމުގެ ދަށުން ހަވާލުކުރި އިމާރާތްތައް ބޭނުންކޮށްގެން އިސްތިއުނާފުކުރި ފަރާތަށް ލިބުނު އެންމެހައި މަންފާއަކީ (ޒިމްނީ ޓްރަސްޓެއްގެ ދަށުން) މަންފާ ލިބެނިވި ފަރާތްތަކަށް ރައްދުކުރަންޖެހޭ އެއްޗެއް ކަމަށް ކަނޑައެޅި. ދައްކަންޖެހޭ އަދަދު ކަނޑައަޅައި އުނިއިތުރު ހަމަޖެއްސުމަށް ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ޙައްޤު ދެފަރާތަށް ލިބިގެންވާ ކަމަށް ކަނޑައެޅި. ތަރިކައާބެހޭ ދައުވާގެ ޤާނޫނުގެ 60 ދުވަހުގެ މުއްދަތު މުދަލުގެ ޙައްޤުތަކަށް ނުހިނގާ ކަމަށް ވެސް ކަނޑައެޅި.
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ކޮންޓްރެކްޓާބެހޭ އާންމު ގާނޫނީ އުސޫލަކީ ކޮންޓްރެކްޓެއްގެ ބައިވެރިއަކު މަރުވެއްޖެނަމަ އެ ކޮންޓްރެކްޓެއްގެ ދަށުން މަރްހޫމަށް ލިބިފައިވާ ހައްގުތައް ވާރިސުންގެ މައްޗަށް ނަގުލުވެގެންދިއުމެވެ. ނަމަވެސް ކޮންޓްރެކްޓުގެ ދަށުން މަރްހޫމް ފުރިހަމަ ކުރަންޖެހޭ އިލްތިޒާމަކީ މަރްހޫމް ޝަޚްސީގޮތުން އޭނާއަށް ލިބިފައިވާ ޚާއްސަ ތަމްރީނާއި ކުޅަދާނަކަމާއި ހުނަރާއި ތަޖުރިބާއިން ފުރިހަމަކުރަންޖެހޭ ޒާތުގެ އިލްތިޒާމެއްނަމަ، އެފަދަ ކޮންޓްރެކްޓެއްގެ ފުރިހަމަ ނުކުރެވި އޮތްބައި ވާރިސުންނަށް ފުރިހަމަ ނުކުރެވޭނެއެވެ.
HN2 މަރްހޫމްއަށް ކޮންޓްރެކްޓުގެ ދަށުން ލިބެންޖެހޭ މަންފާ ވާރިސުންގެ މައްޗަށް ނަގުލުވެގެން ދިޔަ ނަމަވެސް، އާންމު އުސޫލަކީ އެ ކޮންޓްރެކްޓުގެ ދަށުން ވާރިސުން ޒިންމާ އުފުލަން ލާޒިމު ނުވުމެވެ. ނަމަވެސް ކޮންޓްރެކްޓުގެ ދަށުން ލިބޭ މަންފާ ބޭނުންކުރުން އެ ކޮންޓްރެކްޓުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކުގެ މައްޗަށް ބަރޯސާ ވެފައި އޮންނަ ހާލަތާއި، ކޮންޓްރެކްޓުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކަކީ އެ ކޮންޓްރެކްޓުގެ މައުޟޫއުގައި ހިމެނޭ މުދަލުގެ މައްޗަށް އުފެދޭ އިލްތިޒާމުތަކަކަށް ވާ ހާލަތުގައި، ކޮންޓްރެކްޓުގެ ދަށުން މަރްހޫމް އަދާކުރަންޖެހޭ އިލްތިޒާމް ވާރިސުން އަދާކުރަންޖެހޭނެއެވެ.
HN3 ކޮންޓްރެކްޓެއްގެ ދަށުން ވާރިސުން ޒިންމާ އުފުލަންޖެހޭ ހާލަތުގައިވެސް އެގޮތުން އަދާކުރަންޖެހޭ ޒިންމާ ވާރިސުން އުފުލަންޖެހޭނީ މަރްހޫމް ދޫކޮށްފައިދާ މުދަލާ ފައިސާއިންނެވެ. އެ ޒިންމާ އަދާކުރުމަށް ފުދޭ މިންވަރަށް މަރްހޫމްގެ މުދަލެއް ނުވަތަ ފައިސާއެއް ނެތް ހާލަތުގައި އެފަދަ ޒިންމާއަކަށް ވާރިސުން ޝަޚުސީގޮތުން ޒިންމާވާން ނުޖެހޭނެއެވެ. މަރްހޫމްގެ މުދަލުން ވާރިސުންނަށް ލިބޭނީ މަރްހޫމްގެ މުދަލުން އެފަދަ އިލްތިޒާމްތަކާއި ޒިންމާތައް އަދާކުރުމަށްފަހު ބާކީ އެއްޗެއް އޮތް ނަމަ އެ އެއްޗެކެވެ.
HN4 އިލްތިޒާމަކީ މުދަލުގެ މައްޗަށް ވަކި ޝަރުތުތަކެއްގެ މަތިން ހިނގަމުންދާ ނުވަތަ ދެމިގެންދާ ބާވަތުގެ އިލްތިޒާމެއްނަމަ ވާރިސުންނަށް އެ މުދަލެއް ލިބޭނީ އެ އިލްތިޒާމުތައް އެ މުދަލާ ބަނދެވިގެންނެވެ. ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް މެނުވީ އެ އިލްތިޒާމްތައް އެ މުދަލުން ވަކިނުކުރެވޭނެއެވެ.
HN5 ބިމަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ގާއިމުކުރެވޭ ކުލީގެ ހައްގާއި ރަހުނުގެ ހައްގާއި ކޯޓުތަކުން ގަބޫލުކުރާ ލިއެންގެ ހައްގަކީ މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކެއް ކަމުގައި ވާތީވެ، އެކަކުގެ ކިބައިން އަނެކަކަށް ބިން ނަގުލުވާނީ ބިމާ ގުޅިފައިވާ ކުލީގެ އިލްތިޒާމުތަކާއި ރަހުނުގެ އިލްތިޒާމުތަކާއި ލިއެންގެ އިލްތިޒާމުތަކާއި އެކުގައެވެ. އެހެންކަމުން އެއް ފަރާތުން އަނެއް ފަރާތަށް ބިމެއްގެ މިލްކުވެރިކަން ނަގުލުވާއިރު، އެ ބިމުގެ މިލްކުވެރިކަން ނަގުލުވުމުގެ ކުރިން އެ ބިމުގެ މައްޗަށް އެހެން ފަރާތްތަކަށް އުފެދިފައިވާ ހައްގުތައް ނިމުމަކަށް ނާންނާނެއެވެ. (އޭގެ ތެރޭގައި މީހަކު މަރުވެގެން ތަރިކައިގެ މުދަލުގެ ގޮތުގައި ވާރިސުންނަށް ލިބޭ މުދާވެސް ހިމެނެއެވެ.)
HN6 މުދަލުގެ މައްޗަށް އުފެދޭ ހައްގަކީ މާއްދީ އެއްޗެއްގެ މައްޗަށް ބާރު ފޯރުވަން ލިބޭ ހައްގެކެވެ. މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތަކަކީ ބާވެ އުވިގެންދާނެ ހައްގުތަކެއް ނުވަތަ ވާޖިބުތަކެއް ނޫނެވެ. މުދަލުގެ މައްޗަށް އުފެދޭ ކޮންމެ ހައްގަކީ ނުވަތަ ވާޖިބަކީ ވާރިސުންނަށް ވާރުތަވާނޭ އެއްޗެކެވެ. އެއާ ހިލާފަށް، މީހެއްގެ ޒާތާ ގުޅިފައިވާ ޝަހުސީ ހައްގުތަކާއި ވާޖިބުތަކަކީ ވާރުތަވެރިންނަށް ވާރުތަވާނޭ އެއްޗެއް ނޫނެވެ.
HN7 ތަރިކައާބެހޭ ދައުވާގެ ގާނޫނުގައި ބުނެފައިވާ ގޮތުން މީހަކު މަރުވުމަށްފަހު 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް އެ ގާނޫނުގެ ދަށުން މުއްދަތު ކަނޑައަޅާފައިވަނީ މަރްހޫމްގެ ޝަޚުސުގެ މައްޗަށް ހައްގެއް އުފެދިފައި އޮވެގެން ކުރެވޭ ދައުވާތަކާއި މަރްހޫމް ކޮށްފައިވާ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއް އޮވެގެން އެފަދަ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއްގެ މަންފާ ލިބެނިވި ފަރާތަކުން އެ މަންފާއެއް ލިބިގަތުމަށް އެދި ކުރާ ދައުވާތަކެވެ. މި ގާނޫނުގެ އެއްވެސް ތަނެއްގައި މުދަލުގެ މައްޗަށް ކުރެވޭ ދައުވާއެއް ކުރުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައި ނުވެއެވެ.
HN8 ކޮންޓްރެކްޓެއްގެ ބައިވެރިއަކު މަރުވާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އެ ކޮންޓްރެކްޓު ތަންފީޒު ކުރުމަށް ކޯޓަކަށް ހުށަނާޅައިފި ނަމަ އެ ކޮންޓްރެކްޓު ބާތިލުވާނެ ކަމަށް ނުވަތަ ތަންފީޒު ނުކުރެވޭނެ ކަމަށް ތަރިކައާބެހޭ ދައުވާގެ ގާނޫނުގެ އެއްވެސް ތަނެއްގައި ބުނެފައިނުވެއެވެ. މަރްހޫމްގެ މުދަލުގެ މައްޗަށް އުފައްދާފައިވާ ހައްގެއް ތަންފީޒުކުރަން ހުށަހެޅުމަށް ތަރިކައާބެހޭ ދައުވާގެ ގާނޫނުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނުވާތީވެ، މަރްހޫމްގެ މުދަލެއްގެ މައްޗަށް ހައްގެއް އުފައްދާ އެއްބަސްވުމަކަށް އަމަލުކޮށް އިހްތިރާމްކުރުމަކީ ވާރިސުންގެ މައްޗަށް ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ލާޒިމުވާނޭ ކަމެކެވެ.
HN9 ޤާނޫނު ނަންބަރު 9/93 (ރަހުނާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ރަހުނު ބެހެއްޓުން ކަމަށް ބުނެފައިވަނީ، ދަރަންޏެއް ނަގާއިރު، އެ ދަރަނި އަދާނުކުރެވިއްޖެނަމަ ދަރަނި ދޭ މީހާގެ ހައްގު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ބެހެއްޓުން ކަމަށެވެ. އިތުރަށް، އެ ގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ ވިއްކުން ހުއްދަވާ ކޮންމެ އެއްޗެއް ރަހުނަށް ބެހެއްޓުން ހުއްދަވާނެ ކަމަށެވެ. ރަހުނުގެ މުއާމަލާތް ކުރިއިރު އެ މުދަލަކީ ވިއްކާލެވިދާނެ މުދަލެއް ކަމުގައި ނުވާނަމަ، ރަހުނާބެހޭ ގާނޫނުގެ 2 ވަނަ މާއްދާ އާއި 4 ވަނަ މާއްދާގައި ބުނެފައިވާ ރަހުނު ސައްހަވުމުގެ ޝަރުތު އެ މުދަލުގައި ހަމަނުވެއެވެ.
HN10 ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތެއް ރަހުނެއްގެ ގޮތުގައި ދަރަނިދޭ ފަރާތަކަށް ހުށަހަޅާނަމަ، ބިމުގެ ވެރި ފަރާތުގެ ހުއްދަ ހޯދުމަށް ގާނޫނު ލާޒިމުކުރެއެވެ. ބަންޑާރަ ގޯތި ވަކި އުސޫލަކުން އަމިއްލަކޮށްގެން ވިއްކުމުގެ ހައްގު ބަންޑާރަ ގޯއްޗެއް ލިބިފައިވާ ފަރާތްތަކަށް ލިބުނީ 2002 ވަނަ އަހަރު އަމަލުކުރަން ފެށި ބިމާބެހޭ ގާނޫނުގެ ދަށުންނެވެ.
HN11 ކޮންޓްރެކްޓެއް ކުރެވޭއިރު އެ ކޮންޓްރެކްޓަކީ ޣައިރު ގާނޫނީ ކޮންޓްރެކްޓެއްކަން ދެފަރާތަށްމެ އެނގޭކަމަށް ބަލަންޖެހޭ ހާލަތުގައި، ނުވަތަ އެނޫންވެސް ގޮތަކަށް ކޮންޓްރެކްޓަކީ ފެށުނީއްސުރެ ޣައިރު ގާނޫނީ ކޮންޓްރެކްޓެއް ކަމަށް ކަނޑައެޅޭ ހާލަތުގައި ކޮންޓްރެކްޓުގެ ދަށުން ލިބިފައިވާ މަންފާ ނުވަތަ ފައިދާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ އަތުގައި ބެހެއްޓުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ.
HN12 މީހެއްގެ މުދަލެއްގެ އަތުގެ ވެރިކަން ނުވަތަ މީހެއްގެ މުދަލެއްގެ ގާނޫނީ މިލްކުވެރިކަން އެހެން ފަރާތަކަށް ލިބިފައި އޮންނަ ހާލަތުގައި އެ އެއްޗަކުން ލިބޭ މަންފާ އެ ފަރާތަކަށް ލިބުމަކީ ޒަމީރު ހުއްދަކުރާ ކަމެއްކަމަށް ނުވާނަމަ ނުވަތަ އިންތިހާއަށް ބޭއިންސާފުކަމަކަށް ވާނަމަ އެ ފަރާތަކީ ޓްރަސްޓީއެއް ކަމަށް އިފްތިރާޒު ކުރުމަށް އަދާލަތުގެ ހަމަތައް ލާޒިމުކުރެއެވެ. މިގޮތަށް، އެފަދަ ހާލަތްތަކުގައި މުދަލެއްގެ ގާނޫނީ މިލްކުވެރި ފަރާތުން ނުވަތަ އެ މުދަލެއްގެ އަތުގެވެރިކަން އޮންނަ ފަރާތަކުން ހޯދާ މަންފާތައް އެ މުދަލެއްގެ މަންފާ ލިބެނިވި ފަރާތްތަކަށް ރައްދުކުރުމަށް އަދާލަތުގެ ހަމަތައް ލާޒިމުކުރެއެވެ.
HN13 މީހަކު އެހެން މީހަކާ ހަވާލުކުރާ މުދަލާއި ފައިސާއާއި، ދަރަންޏަށް ދޫކުރާ ފައިސާއާއި، އޮޅިގެން އެކަކުގެ ފަރާތުން އަނެކަކަށް ދެވޭ ފައިސާ އާއި، މިނޫނަސް އަމާނާތްތެރިކަމުގެ ވާޖިބު އޮންނަ ފަރާތެއްގެ އަމާނާތުގެ ދަށުގައި ހުންނަ މުދަލާއި ފައިސާއާ ގުޅިގެން އަދާކުރަންޖެހޭ ވާޖިބާ ޚިލާފުވެ އިހުމާލުވުމާއި، އެއިން އަމިއްލަ މަންފާ ހާސިލުކުރުން ފަދަ ހާލަތްތަކުގައި ބޭއިންސާފު މުއްސަނދިކަމެއް އެކެއްގެ ހެވަތުގައި އަނެކަކަށް ލިބިފައިވާ ނަމަ، އެ ފައިސާ ރައްދުކުރުމަށް ލާޒިމުކުރުމަށްޓަކައި، ޓްރަސްޓުގެ ގާނޫނުގެ ތަފާތު ވަސީލަތްތަކުގެ ބޭނުން ހިފަން ލާޒިމުވެއެވެ.
HN14 ޒިމްނީ ޓްރަސްޓެއް އޮތް ކަމަށް އިފްތިރާޒު ކުރެވޭނީ މުދަލުގެ އަތުގެވެރިކަން ނުވަތަ ގާނޫނީ މިލްކުވެރިކަން އޮންނަ ފަރާތެއްގެ މައްޗަށް، އެ މުދަލުން މަންފާ ލިބެނިވި ފަރާތަކުން ދައުވާކުރާ ހާލަތުގައި، މުދަލުގެ ގާނޫނީ މިލްކުވެރިކަން އޮންނަ ފަރާތުން ނުވަތަ މުދަލުގެ އަތުގެ ވެރިފަރާތުން އެ މަންފާ ލިބިގަތުމަކީ ޒަމީރު ތަންނުދޭ އަދި އިންތިހާއަށް ބޭއިންސާފު ކަމެއް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ހާލަތުގައެވެ.
HN15 ޒިމްނީ ޓްރަސްޓެއް އޮތް ކަމަށް އިފްތިރާޒު ކުރެވޭ ހާލަތްތަކުގައި ޓްރަސްޓީ ލިބިގަންނަ ފައިދާ އެ މުދަލުގެ މަންފާ ލިބެނިވި ފަރާތްތަކަށް ރައްދުކުރުން ލާޒިމްވެގެން ވެއެވެ. ޓްރަސްޓީ އަށް ލިބުނު މަންފާ ބޭނުންކޮށް ހުސްވެފައިވާ ނަމަ ނުވަތަ ތިންވަނަ ފަރާތަކަށް ނަގުލުކޮށްފައިވާނަމަ، އެ ޓްރަސްޓީގެ އަމިއްލަ ފައިސާއިން އެ ފައިސާ ރައްދުކުރުމަކީ އެ ޓްރަސްޓީއެއްގެ ވާޖިބެކެވެ. މިފަދަ މުދަލެއް ތިންވަނަ ފަރާތެއްގެ މައްޗަށް ނަގުލުކޮށްފައި އޮންނަ ހާލަތުގައި، އަމާނާތްތެރިކަމުގެ ވާޖިބެއް އެ ޓްރަސްޓީގެ މައްޗަށް އޮތްކަން ތިންވަނަ ފަރާތަށް އެނގޭނަމަ، އެ މުދާ ރައްދުކުރުމުގެ ވާޖިބު ތިންވަނަ ފަރާތުގެ މައްޗަށްވެސް ދެމިގެން ދާނެއެވެ. މިފަދަ ހާލަތްތަކުގައި ޒިމްނީ ޓްރަސްޓެއް އޮތްކަމަށް އިފްތިރާޒު ކުރެވިއްޖެނަމަ މިފަދަ ފައިސާއަކީ ޓްރަސްޓީގެ އެހެނިހެން ދަރަނިތަކުގެ މައްޗަށް އިސްކުރެވޭނެ ދަރަންޏެކެވެ.
HN16 މަރްހޫމް ދައްކަންޖެހޭ ދަރަންޏެއްކަން އެނގިތިބެ، މަރްހޫމްގެ މުދަލުން އެ ދަރަނި އަދާނުކޮށްތިބެ، މަރްހޫމްގެ ތަރިކަ މުދާ ވާރިސުން ބޭނުންކުރުމަކީ، ދަރަނި ލިބެންޖެހޭ ފަރާތުގެ ހެވަތުގައި ވާރިސުންނަށް ލިބޭ ބޭއިންސާފު މުއްސަނދިކަމެކެވެ. އެހެންކަމުން އެއީ މަރްހޫމްގެ މުދަލުން ނަގައި ރައްދުކުރަންޖެހޭ އެއްޗެކެވެ. އެނގިތިބެ ހައްގުނޫން މަންފާއެއް އަތުގައި ބަހައްޓައިގެން ބޭނުންކުރުމަކީ ޝަރުއީ އެއްވެސް ހަމައަކުން ހުއްދަކުރެވޭނެ ކަމެއް ނޫނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- އިބްރާހީމް ރިޟާ
- ޖަވާބުދާރީވި ފަރާތުގެ ވަކީލުން
- މަރްޔަމް ނިހާޔަތު، ޢާއިޝަތު ފަޒްނާ، ދިވެހި ޗެމްބާރސް ލ.ލ.ޕ
- ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
- ޢަބްދުއްރަޙީމް
- ބެންޗު
- ޙުސްނުއްސުޢޫދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ރިޔާސަތު
- ޙުސްނުއްސުޢޫދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޙުސްނުއްސުޢޫދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، މަޙާޒު ޢަލީ ޒާހިރު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2018/SC-A/10
ޝަރީޢަތް ނިމުނުގޮތް
މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޙުސްނުއްސުޢޫދުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
01 އޭޕްރިލް 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ2016/HC-A/256
މައްސަލަ ރައްދުވާ ފަރާތް
މައްސަލަ ހުށަހަޅާ ފަރާތް
ފާޠިމަތު ނާޡިމާ، މއ. ހިތްތަލަވިލާ، މާލެ
މުޙައްމަދު ޔޫސުފް މޫސާ، މއ. ސިސިލްފަރު، މާލެ
ޙުސައިން ނާޡިމް، މއ. ހިތްތަލަވިލާ، މާލެ
މުޙައްމަދު ނާޡިމް، މއ. ހިތްތަލަވިލާ، މާލެ
އިބްރާހީމް ނާޡިމް، މއ. ހިތްތަލަވިލާ، މާލެ
ޤާނޫނީ ވަކީލު: އިބްރާހީމް ރިޟާ، ޖަންބުމާގެ، ކ. ގުރައިދޫބަދަލުގައި: ޢަބްދުއްރަޙީމް، ފެންވިލާގެ، ބ. އޭދަފުށި
ޤާނޫނީ ވަކީލު: މަރްޔަމް ނިހާޔަތު، ދިވެހި ޗެމްބަރސް،
ޢާއިޝަތު ފަޒްނާ، ދިވެހި ޗެމްބަރސް މަދަނީ – އެއްބަސްވުމާ ޚިލާފުވުން – އެއްބަސްވުމުގެ ބައިވެރިއަކު މަރުވުން – ތަރިކައާބެހޭ ދައުވާގެ ގާނޫނު – ހުއްދަ ނޫން މަންފާ ރައްދުކުރުން – ޒިމްނީ ޓްރަސްޓް `
މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތައާރުފު
1މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނަންބަރު 2016/HC-A/256 ގަޒިއްޔާ ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ މއ. ސިސިލްފަރު، މާލެ، މުޙައްމަދު ޔޫސުފް މޫސާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A050821) ގެ ފަރާތުން އެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބަލާފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ މއ. ހިތްތަލަވިލާ އަލްމަރްހޫމް ޙަސަން ގާސިމްގެ ވާރިސުން ކަމުގައިވާ ފާޠިމަތު ނާޡިމާ (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A050149) އާއި ޙުސައިން ނާޡިމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A084084) އާއި މުޙައްމަދު ނާޡިމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A081888) އާއި އިބްރާހިމް ނާޡިމް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު A036436) އަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2މއ. ހިތްތަލަވިލާ، މާލެ، ޙަސަން ގާސިމް އާއި މއ. ސިސިލްފަރު، މާލެ، މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު 8 ފެބްރުއަރީ 2000 ގައި ކޮންޓްރެކްޓެއް ހަދައި އެ ކޮންޓްރެކްޓު މަދަނީ ކޯޓުގައި ރަޖިސްޓަރީކޮށްފައި ވެއެވެ. އެ ކޮންޓްރެކްޓު މަދަނީ ކޯޓުގައި ރަޖިސްޓަރީ ކުރުމަށްފަހު ކޯޓުން އެ ކޮންޓްރެކްޓަށް ދީފައިވާ ނަންބަރަކީ MC/C-42/2000 އެވެ.
3އިސްވެ މި ބަޔާންކުރި 8 ފެބްރުއަރީ 2000 ތާރީޚުގެ ކޮންޓްރެކްޓުގެ 2 ވަނަ މާއްދާގައި ބުނެފައިވަނީ ޙަސަން ގާސިމުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 (ހަތްސަތޭކަ) އަކަފޫޓުގެ ތެރޭގައި ހިމެނޭ އިމާރާތްތައް މަހަކު 500.00ރ. (ފަސް ސަތޭކަ ރުފިޔާ) އަށް މުޙައްމަދު ޔޫސުފް މޫސާއަށް ޙަސަން ގާސިމް ކުއްޔަށް ދޭން އެއްބަސްވެއްޖެ ކަމަށާއި އެކަން މުޙައްމަދު ޔޫސުފް މޫސާ ގަބޫލުކުރާ ކަމަށެވެ.
4އިސްވެ މި ބަޔާންކުރި 8 ފެބްރުއަރީ 2000 ތާރީޚުގެ އެއްބަސްވުމުގެ 3 ވަނަ މާއްދާއާއި 4 ވަނަ މާއްދާގައި ބުނެފައިވަނީ މި ގޮތަށް މި ތަނުގެ ކުލި ހަމަޖައްސާފައިވަނީ މުޙައްމަދު ޔޫސުފް މޫސާ އަށް ޑޮލަރު ގަނެދޭނެ ކަމަށް ބުނެ މުޙައްމަދު ޔޫސުފް މޫސާ އަތުން ގެންގޮސްފައިވާ ފައިސާ އާއި ޙަސަން ގާސިމްގެ އެކި ބޭނުންތަކަށް މުޙައްމަދު ޔޫސުފް މޫސާ އަތުން ނަގާފައިވާ ފައިސާ އާއި އެކުޖުމްލަ 1,175,632.00ރ. (އެއް މިލިއަން އެއްލައްކަ ހަތްދިހަފަސް ހާސް ހަސަތޭކަ ތިރީސް ދެ ރުފިޔާ) ޙަސަން ގާސިމް އަނބުރާ ދައްކާފައި ނުވާތީވެ، މި ފައިސާ ދައްކައި ޚަލާސްކުރުމަށްޓަކައި މި ފައިސާއިން މަހަކު 500.00ރ. (ފަސް ސަތޭކަ ރުފިޔާ) ކަނޑާ ގޮތަށް ކަމަށެވެ. އިތުރަށް މި މާއްދާގައި ބުނެފައިވަނީ މި ގޮތަށް މަހަކު 500.00ރ. (ފަސް ސަތޭކަ ރުފިޔާ) ކުލީގެ ގޮތުގައި ދަރަނީގެ ފައިސާއިން ކެނޑުނު ނަމަވެސް މި ފައިސާ ދެ އަހަރު ދުވަހުގެ ތެރޭގައި މުޙައްމަދު ޔޫސުފް މޫސާ އަށް ދެއްކުމަކީ ޙަސަން ގާސިމްގެ ޒިންމާއެއް ކަމަށެވެ.
5ޙަސަން ގާސިމްގެ އެދުމުގެ މަތިން މުޙައްމަދު ޔޫސުފް މޫސާއާ ދެމީހުން ކޮންޓްރެކްޓުގައި އިތުރަށް އެއްބަސްވެފައިވަނީ އެ ފައިސާ މުޙައްމަދު ޔޫސުފް މޫސާ އަށް ހަމައަށް ލިބެންދެން ޙަސަން ގާސިމުގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހިމެނޭ އިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާގެ އަމިއްލަ ޚަރަދުގައި ބޭނުންވާ ބަދަލެއް ގެނެސްގެން ވިޔަފާރި އުސޫލުން އެ އިމާރާތް ކުއްޔަށް ދީގެން ފައިދާ ހޯދުމުގެ ހައްގާއި ބާރު މުޙައްމަދު ޔޫސުފް މޫސާއަށް ލިބިގެންވާ ކަމަށާއި، ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާ އަށް1,175,632.00 ރ. (އެއް މިލިއަން އެއްލައްކަ ހަތްދިހަފަސް ހާސް ހަސަތޭކަ ތިރީސް ދެ ރުފިޔާ) ލިބޭތާ 3 މަސްދުވަހުގެ ތެރޭގައި އެ ތަން ހުސްކޮށް އެ ތަން ޙަސަން ގާސިމްއާ ހަވާލުކުރަން ޖެހޭނެ ކަމަށާއި، އެގޮތުން ތަން އަނބުރާ ހަވާލުކުރާއިރު އެ ތަނަށް މުޙައްމަދު ޔޫސުފް މޫސާ ކުރި ޚަރަދުގެ އެއްވެސް މިންވަރެއް ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށް ދޭން ނުޖެހޭނެ ކަމަށެވެ.
6މި އެއްބަސްވުމުގެ 5 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މި އެއްބަސްވުމުގައި ސޮއިކުރާ ވަގުތުން ފެށިގެން އިމާރާތް ހުންނާނީ މުޙައްމަދު ޔޫސުފް މޫސާގެ ބާރުގެ ދަށުގައެވެ. އަދި އެ ވަގުތުން ފެށިގެން އެ އިމާރާތަށް މުޙައްމަދު ޔޫސުފް މޫސާއަށް ފެންނަ ބަދަލެއް ގެނެވޭނެއެވެ.
7މަދަނީ ކޯޓުގައި 8 ފެބްރުއަރީ 2000 ގައި ރަޖިސްޓަރީ ކޮށްފައިވާ މި ބުނެވުނު MC/C-42/2000 އެއްބަސްވުމުގެ އިތުރުން މި މުއާމަލާތާބެހޭ ގޮތުން މި ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެހެން އެއްބަސްވުމެއް މި މައްސަލައާބެހޭ ގޮތުން ސިވިލް ކޯޓުގައި ހިނގި ޝަރީއަތުގެ މަޖިލީހަށް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ހުށަހަޅާފައިވެއެވެ. މި އެއްބަސްވުމުގައި ސޮއިކުރި ތާރީޚު މި އެއްބަސްވުމުގައި ބަޔާންކޮށްފައި ނެތެވެ.
8މި ބަޔާންކުރެވުނު، ތާރީޚު ޖަހާފައި ނެތް އެއްބަސްވުމުގައިވާ ގޮތުން މުޙައްމަދު ޔޫސުފް މޫސާގެ އަތުން ޙަސަން ގާސިމް ފައިސާ ނަގާފައިވަނީ ތިރީގައި މި ބަޔާންކުރާ ގޮތަށެވެ.
ތަފްސީލު އަދަދު ރުފިޔާއިން
9ތާރީޚު ޖަހާފައި ނެތް މި ބަޔާންކުރި އެއްބަސްވުމުގެ 2 ވަނަ މާއްދާގައި ބުނެފައިވަނީ މުޙައްމަދު ޔޫސުފް މޫސާގެ އަތުން ޙަސަން ގާސިމް ނެގި ފައިސާ އެއްފަހަރާ ދެއްކެން ނެތުމުން ޙަސަން ގާސިމްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 (ހަތްސަތޭކަ) އަކަފޫޓުގެ ތެރޭގައި ހިމެނޭ އިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާ އާއި ހަވާލުކޮށް އޭނާއަށް ފެންނަ ބަދަލެއް ގެނެސްގެން ވިޔަފާރި އުސޫލުން އެ އިމާރާތް ކުއްޔަށްދީގެން ފައިދާ ހޯދުމުގެ ހައްގާއި ބާރު މުޙައްމަދު ޔޫސުފް މޫސާއަށް ޙަސަން ގާސިމް ދީފައިވާ ކަމަށެވެ.
10ތާރީޚު ޖަހާފައި ނެތް އެއްބަސްވުމުގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ މުޙައްމަދު ޔޫސުފް މޫސާ އާއި ހަވާލުކުރި އިމާރާތަށް އެއްވެސް ފައިސާއެއް މުޙައްމަދު ޔޫސުފް މޫސާގެ ކިބައިން ޙަސަން ގާސިމްއަށް ދޭން ނުޖެހޭނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނެފައިވަނީ މުޙައްމަދު ޔޫސުފް މޫސާގެ އެހާ ގިނަ ފައިސާއެއް ޙަސަން ގާސިމްއަށް ބޭނުންކުރެވި އެއްވެސް ފައިސާއެއް އެހާތަނަށް ދެއްކިފައި ނުވާތީ ކަމަށެވެ. އިތުރަށް މި މާއްދާގައި ބުނެފައިވަނީ ޙަސަން ގާސިމް ބޭނުންވަނީ އިސްވެ ބަޔާންކުރި ފައިސާ އެއްފަހަރާ ދައްކައި އަދާކުރެވެންދެން މުޙައްމަދު ޔޫސުފް މޫސާއަށް މަންފާ ލިބޭ ގޮތަށް އޭނާގެ ބެލުމުގެ ދަށުގައި އެ އިމާރާތް ބެހެއްޓުމަށް ކަމަށެވެ.
11ތާރީޚު ޖަހާފައި ނެތް މި އެއްބަސްވުމުގެ ތިރީގައި މި އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަށް ޙަސަން ގާސިމުގެ ދަރިން ކަމުގައިވާ މުޙައްމަދު ނާޡިމް އާއި އިބްރާހިމް ނާޡިމްއާއި އަޙްމަދު ނާޡިމްއާއި ޙުސައިން ނާޡިމް އާއި ނާޡިމާ ޙަސަން ސޮއިކޮށްފައިވެއެވެ. ނަމަވެސް މި އެއްބަސްވުމުގައި އެއްބަސްވުމުގެ ބައިވެރިން ސޮއިކުރި ތާރީޚު ޖަހާފައި ނެތެވެ.
1208 ޑިސެމްބަރު 2007 ގައި ޙަސަން ގާސިމް ނިޔާވެއްޖެއެވެ.
ޙަސަން ގާސިމުގެ ވާރިސުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާ
13މަރްހޫމު ޙަސަން ގާސިމުގެ ވާރިސުން 4 ނޮވެމްބަރު 2015 ގައި މުޙައްމަދު ޔޫސުފް މޫސާގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާކުރިއެވެ. މި ދައުވާގައި ޙަސަން ގާސިމުގެ ވާރިސުން އެދިފައިވަނީ މަރްހޫމް ޙަސަން ގާސިމުގެ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ނަންބަރު ބ. 7816 މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުގައި ހިމެނޭ ބިމާއި އެ ބިމުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދާ މުޙައްމަދު ޔޫސުފް މޫސާ ބޭނުންކުރަމުން ގެންދަނީ މަރްހޫމް ޙަސަން ގާސިމުގެ ވާރިސުންގެ ހުއްދަ ލިބުމެއްނެތި ކަމުގައިވާތީވެ މއ. ހިތްތަލަވިލާ ހުސްކުރުމަށް މުޙައްމަދު ޔޫސުފް މޫސާގެ މައްޗަށް އަމުރުކޮށް ދިނުމަށާއި، މިކަމުގެ ސަބަބުން ދައުވާކުރާ ފަރާތްތަކަށް ލިބެމުންދާ އެންމެހައި ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ. ސިވިލް ކޯޓުން މި މައްސަލަ ބަލާފައި ވަނީ އެ ކޯޓުގެ ނަންބަރު 1896/Cv-C/2015 ގަޒިއްޔާއިންނެވެ.
14ސިވިލް ކޯޓުން ބެލި އެ ގަޒިއްޔާގައި މަރްހޫމު ޙަސަން ގާސިމުގެ ވާރިސުން ބުނެފައިވަނީ ޙަސަން ގާސިމް ނިޔާވިފަހުން ތަރިކައާބެހޭ ދައުވާގެ ގާނޫނު އާ އެއްގޮތަށް 60 ދުވަހުގެ ތެރޭގައި މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ކަމާބެހޭ ކޯޓަށް މައްސަލައެއް ހުށަހަޅާފައިނުވާތީވެ، މއ. ހިތްތަލަވިލާ އެވެ ކިޔާ ބަންޑާރަ ގޯތީގެ އިރު ދެކުނު ފަރާތުގައި ހިމެނޭ ބިމާއި އިމާރާތްތަކާއި ނުއުފުލޭ މުދާ ބޭނުންކުރުމަށް މުޙައްމަދު ޔޫސުފް މޫސާ އަށް ގާނޫނީ އެއްވެސް ހައިސިއްޔަތެއް ލިބިގެން ނުވާކަމަށެވެ.
15މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ބުނެފައިވަނީ މުޙައްމަދު ޔޫސުފް މޫސާ، މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރު ދެކުނު ފަރާތުގައި ހިމެނޭ ބިމާއި އިމާރާތްތަކާއި ނުއުފުލޭ މުދާ ބޭނުންކުރަމުން ދަނީ 8 ފެބްރުއަރީ 2000 ގައި ޙަސަން ގާސިމްއާއި އޭނާއާ ދެމެދުގައި މަދަނީ ކޯޓުގައި ސޮއިކޮށް ރަޖިސްޓަރީކޮށްފައިވާ (MC/C-42/2000) ކޮންޓްރެކްޓުގެ ދަށުން ކަމަށާއި، މުޙައްމަދު ޔޫސުފް މޫސާގެ ހައްގު ލިބެމުންދާހާ ހިނދަކު ތަރިކައާބެހޭ ދައުވާގެ ގާނޫނުގެ ދަށުން މުޙައްމަދު ޔޫސުފް މޫސާ ކޯޓަށް ދާން ނުޖެހޭނެ ކަމަށާއި، އެފަދައިން މުޙައްމަދު ޔޫސުފް މޫސާ ކޯޓަށް ދާންޖެހޭ ކަމަށް ދަލީލުކުރާ ގާނޫނީ އެއްވެސް ހުއްޖަތެއް ނެތް ކަމަށެވެ.
16މި މައްސަލައިގައި ސިވިލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޙަސަން ގާސިމް ނިޔާވި ތާރީޚުން ފެށިގެން 60 ދުވަހުގެ ތެރޭގައި މަރްހޫމު ޙަސަން ގާސިމްގެ މައްޗަށް ދަރަންޏެއް ނުވަތަ އެނޫންވެސް އެފަދަ ކަމެއްގެ ދައުވާއެއް މުޙައްމަދު ޔޫސުފް މޫސާ ކޮށްފައި ނެތުމުން އެފަދަ ދައުވާއެއް ނެތީކަމަށް ތަރިކައާބެހޭ ދައުވާގެ ގާނޫނުގެ ދަށުން ބަލަންޖެހޭ ކަމަށެވެ. އެހެނީ، މަރްހޫމް ޙަސަން ގާސިމްއާ މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު 8 ފެބްރުއަރީ 2000 ގައި ކޮށްފައިވާ އެގްރިމަންޓާ ގުޅޭގޮތުން ތަރިކައާބެހޭ ދައުވާގެ ގާނޫނުގެ ދަށުން މަރްހޫމް ޙަސަން ގާސިމް ނިޔާވި ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ދައުވާ ކުރަންޖެހޭ ކަމަށާއި، އެ ގޮތުގެމަތިން މުޙައްމަދު ޔޫސުފް މޫސާ ދައުވާކޮށްފައި ނެތުމުން މަދަނީ ކޯޓުގައި 8 ފެބްރުއަރީ 2000 ގައި ރަޖިސްޓަރީ ކުރެވިފައިވާ އެއްބަސްވުމުގެ ދަށުން މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުގައި ހިމެނޭ ބިމާއި އެ ބިމުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދާ ބޭނުންކުރުމުގެ ހައްގު މުޙައްމަދު ޔޫސުފް މޫސާއަށް ލިބިދެވޭނެ ގާނޫނީ ހަމައެއް ނެތަތީ މަދަނީ ކޯޓުގައި 8 ފެބްރުއަރީ 2000 ގައި ރަޖިސްޓަރީ ކުރެވިފައިވާ އެއްބަސްވުމަށް ވާރިސުން އަމަލުކޮށް ދަމަހައްޓަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން، ހުކުމް ކުރި ތާރީޚުން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން އެތަން ހުސްކުރުމަށް އެ ގަޒިއްޔާގައި ސިވިލް ކޯޓުން އަމުރުކޮށްފައިވެއެވެ.
ހައިކޯޓުގެ އިސްތިއުނާފުގެ މައްސަލަ
17ސިވިލް ކޯޓުގެ ނަންބަރު 1896/Cv-C/2015 ގަޒިއްޔާގެ ނިންމުން މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގެ ނަންބަރު 2016/HC-A/256 ގަޒިއްޔާއިން ސިވިލް ކޯޓުގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ. ހައިކޯޓުގެ ނަންބަރު 2016/HC-A/256 ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ މަރްހޫމް ޙަސަން ގާސިމްއާ މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު 8 ފެބްރުއަރީ 2000 ގައި ސޮއި ކޮށްފައިވާ އެގްރިމަންޓާ ގުޅޭގޮތުން ތަރިކައާބެހޭ ދައުވާގެ ގާނޫނުގެ ދަށުން މަރްހޫމް ޙަސަން ގާސިމް ނިޔާވި ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ދައުވާކުރަންޖެހޭނެ ކަމަށާއި، އެގޮތުން މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ދައުވާއެއް ކޮށްފައި ނެތުމުން 8 ފެބްރުއަރީ 2000 ގައި ސޮއިކޮށްފައިވާ އެގްރިމަންޓުގެ ދަށުން މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުގައިވާ 700 އަކަފޫޓު ތެރޭގައި ހިމެނޭ ބިމާއި އެ ބިމުގައިވާ އިމާރާތްތަކާއި ނުއުފުލޭ މުދާ ބޭނުންކުރުމާ ގުޅޭ ގޮތުން މުޙައްމަދު ޔޫސުފް މޫސާއަށް ލިބިފައިވާ ހައްގުން ތަނާޒުލުވެ އެ ހައްގު ދޫކޮށްލީ ކަމަށް ބަލަންޖެހޭތީވެ، 8 ފެބްރުއަރީ 2000 ގައި ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ އެގްރިމަންޓަށް އަމަލުކޮށް ދެމެހެއްޓުމަށް ޝަރީއަތުން އަންގާނެ ތަނެއް ނެތް ކަމަށެވެ.
މުޙައްމަދު ޔޫސްފު މޫސާ ވާރިސުންނާ ތަން ހަވާލުކުރުން
18ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/256 ގަޒިއްޔާ ނިމުމުން، މއ.ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުގައިވާ 700 އަކަފޫޓު ތެރޭގައި ހިމެނޭ ބިމާއި އެ ބިމުގައިވާ އިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން މަރްހޫމް ޙަސަން ގާސިމްގެ ވާރިސުންނާ ހަވާލުކޮށްފައިވެއެވެ.
ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުން
19ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/256 ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާ ތަކެވެ.
(ހ) ތަރިކައާބެހޭ ދައުވާގެ ގާނޫނަށް ރިއާޔަތްކޮށް ސިވިލް ކޯޓުންނާއި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ކޮންޓްރެކްޓާބެހޭ ގާނޫނުގެ 3 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 5 ވަނަ މާއްދާއާއި 26 ވަނަ މާއްދާއަށް ރިއާޔަތް ނުކޮށް ކަމަށް ވުން.
(ށ) މި އެއްބަސްވުމުގައި ޙަސަން ގާސިމްގެ އިތުރުން ޙަސަން ގާސިމްއެކޭ އެއްފަދައިން ޙަސަން ގާސިމުގެ ވާރިސުން ސޮއިކޮށްފައި އޮތުމުން ޙަސަން ގާސިމް ނިޔާވި ކަމުގައި ވިޔަސް އެ އެއްބަސްވުމަށް ހުރުމަތްތެރިކޮށް ހިތުމަކީ ވާރިސުންގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމުވެގެންވާ ކަމެއްކަން އެ އެއްބަސްވުން ވުޖޫދުގައި އޮތުމުން އެނގޭކަން.
(ނ) މި މުއާމަލާތަކީ މަރްހޫމް ޙަސަން ގާސިމްގެ ވާރިސުންނަށް ރަނގަޅަށް އެނގި މައުރޫފުވެފައިވާ އަދި އެ މުއާމަލާތާ ގުޅިގެން ކުރަންޖެހޭ ކަންކަން ތަންފީޒުކުރުމަށް އެއްބަސްވެފައިވާ މުއާމަލާތަކަށްވާތީވެ ޙަސަން ގާސިމް ނިޔާވި ކަމުގައި ވިޔަސް އެކަމުގެ ދައުވާ އޭނާ ނިޔާވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ކަމާބެހޭ ކޯޓަށް ހުށަހަޅަން ނުޖެހޭނެކަން.
20ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/256 ގަޒިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމަށްޓަކައި މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން ތިން ނުކުތާ ހުށަހަޅާފައިވީ ނަމަވެސް އެ ތިން ނުކުތާގައި ވެސް އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މައިގަނޑު ގާނޫނީ ނުކުތާއަކީ، މަރްހޫމް ޙަސަން ގާސިމްއާ މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު 8 ފެބްރުއަރީ 2000 ގައި ކޮށްފައިވާ އެގްރިމަންޓާ ގުޅޭގޮތުން ތަރިކައާބެހޭ ދައުވާގެ ގާނޫނުގެ ދަށުން މަރްހޫމް ޙަސަން ގާސިމް ނިޔާވި ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި ދައުވާކޮށްފައި ނެތުމަކީ އެ އެއްބަސްވުން ބާތިލުވާނޭ ނުވަތަ އެ އެއްބަސްވުން ޝަރީއަތުން ތަންފީޒުކޮށްދޭން ނުޖެހޭ ސަބަބަކަށް ނުވާ ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ ދެފަރާތުން އެއްބަސްވުމެއް ވެފައިވަނިކޮށް، އެ އެއްބަސްވުމުގެ ބައިވެރިޔަކު މަރުވާ ހާލަތުގައި ތަރިކައާބެހޭ ދައުވާގެ ގާނޫނުގައި ބަޔާންކޮށްފައިވާ 60 ދުވަހުގެ ތެރޭގައި އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ ފަރާތުން ވާރިސުންގެ މައްޗަށް ދައުވާކޮށްފައި ނުވާނަމަ އެ އެއްބަސްވުން ތަންފީޒުނުކުރެވޭނެ ކަމަށް މި މައްސަލައިގައި ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ ތަރިކައާބެހޭ ދައުވާގެ ގާނޫނު އާ އެއްގޮތަށް ނޫން ކަމަށާއި، ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ތަރިކައާބެހޭ ދައުވާގެ ގާނޫނު މާނަކޮށް ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.
21ވީމާ، މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ގާނޫނީ ނުކުތާ އަކީ ދެފަރާތެއްގެ ދެމެދުގައި ކޮންޓްރެކްޓެއް ކުރެވިފައިވަނިކޮށް، އެ ކޮންޓްރެކްޓުގެ ބައިވެރިޔަކު މަރުވާ ހާލަތުގައި ތަރިކައާބެހޭ ދައުވާގެ ގާނޫނުގައި ބަޔާންކޮށްފައިވާ 60 ދުވަހުގެ ތެރޭގައި އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ ފަރާތުން އެ އެބަސްވުން ދެމެހެއްޓުމަށް ވާރިސުންގެ މައްޗަށް ދައުވާކޮށްފައި ނުވާނަމަ އެ އެއްބަސްވުން ނިމުމަކަށް އަންނާނެތޯ އާއި އެފަދަ ކޮންޓްރެކްޓަކީ ކޯޓުން ތަންފީޒުކޮށް ނުދޭނެ އެއްބަސްވުމެއްތޯ އެވެ.
ކޮންޓްރެކްޓުގެ ބައިވެރިއަކު މަރުވުމާއި ވާރިސުން ކޮންޓްރެކްޓަށް އަމަލުކުރަންޖެހުން
22އާންމު ގޮތެއްގައި، އެކެއްގެ ފަރާތުން އަނެކެއްގެ މައްޗަށް ހައްގުތަކާއި އިލްތިޒާމްތައް އުފައްދައިދެނީ ދެފަރާތުގެ ދެމެދުގައި ވެވޭ ކޮންޓްރެކްޓެއްގެ ޒަރީއާއިންނެވެ. މިގޮތުން ކޮންޓްރެކްޓަކުން އުފައްދައިދޭ ހައްގުތަކާއި އިލްތިޒާމުތައް މައިގަނޑު ދެ ބަޔަކަށް ބެހެއެވެ. އެއީ ޝަޚުސުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތަކާއި މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތަކެވެ. ޝަޚުސުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތަކާއި މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތަކާމެދު ގާނޫނު ދެކެނީ ދެ ނަޒަރަކުންނެވެ. އެ ދެ ބާވަތުގެ ހައްގުތަކާއި ވާޖިބުތައް ތަންފީޒުކުރުމުގައި ކޯޓުތަކުން ފަރަގުތަކެއް ގެންގުޅެއެވެ.
23HN1ކޮންޓްރެކްޓާބެހޭ އާންމު ގާނޫނީ އުސޫލަކީ ކޮންޓްރެކްޓެއްގެ ބައިވެރިއަކު މަރުވެއްޖެނަމަ އެ ކޮންޓްރެކްޓެއްގެ ދަށުން މަރްހޫމަށް ލިބިފައިވާ ހައްގުތައް ވާރިސުންގެ މައްޗަށް ނަގުލުވެގެންދިއުމެވެ. އެގޮތުން ކޮންޓްރެކްޓުގެ ދަށުން ފައިސާ ލިބެން އޮތްނަމަ އެ ފައިސާ ހޯދުމާއި ކޮންޓްރެކްޓާ ޚިލާފުވުމުގެ ސަބަބުން ގެއްލުމުގެ ބަދަލު ލިބެންޖެހޭނަމަ ވާރިސުންނަށް އެ ބަދަލު ހޯދޭނެއެވެ. އަދި މަރްހޫމު މަރުވިއިރު ކޮންޓްރެކްޓުގެ ބަޔަކަށް އަމަލުކުރެވިފައިވާ ނަމަ ކޮންޓްރެކްޓުގެ އަމަލުނުކުރެވި އޮތްބައި ފުރިހަމަކޮށް ކޮންޓްރެކްޓުގެ އަގު ލިބިގަތުމުގެ ހައްގު ވާރިސުންނަށް ލިބިގެންވެއެވެ. ނަމަވެސް ކޮންޓްރެކްޓުގެ ދަށުން މަރްހޫމް ފުރިހަމަ ކުރަންޖެހޭ އިލްތިޒާމަކީ މަރްހޫމް ޝަޚްސީގޮތުން އޭނާއަށް ލިބިފައިވާ ޚާއްސަ ތަމްރީނާއި ކުޅަދާނަކަމާއި ހުނަރާއި ތަޖުރިބާއިން ފުރިހަމަކުރަންޖެހޭ ޒާތުގެ އިލްތިޒާމެއްނަމަ، އެފަދަ ކޮންޓްރެކްޓެއްގެ ފުރިހަމަ ނުކުރެވި އޮތްބައި ވާރިސުންނަށް ފުރިހަމަ ނުކުރެވޭނެއެވެ. މިސާލަކަށް، ސުވާލު އުފެދިފައިވާ ކޮންޓްރެކްޓަކީ ވަޒީފާއާ ބެހޭ ކޮންޓްރެކްޓަކަށްވެފައި މުވައްޒަފު މަރުވާ ހާލަތުގައި، މުވައްޒަފު ޝަޚުސީގޮތުން ފުރިހަމަކުރަންޖެހޭ އިލްތިޒާމްތައް ވާރިސަކަށް ނުވަތަ ވާރިސުންނަށް ފުރިހަމަނުކުރެވޭނެއެވެ. އެފަދަ ހާލަތުގައި މުވައްޒަފުގެ ވާރިސުންނަށް ހޯދަން ދައުވާކުރެވޭނީ ހަމައެކަނި ވަޒީފާގެ އެއްބަސްވުމުގެ ދަށުން މުވައްޒަފު މަރުވުމާ ހަމައަށް ލިބެންޖެހޭ ނުވަތަ މަރުވުމާގުޅިގެން ފައިސާއެއް ލިބެންޖެހި ނުލިބި ހުރިނަމަ އެ ފައިސާއެއް ހޯދުމަށެވެ.
24HN2އިސްވެ ދިޔަ ޕެރެގްރާފުގައި ބަޔާންކުރި ފަދައިން، މަރްހޫމްއަށް ކޮންޓްރެކްޓުގެ ދަށުން ލިބެންޖެހޭ މަންފާ ވާރިސުންގެ މައްޗަށް ނަގުލުވެގެން ދިޔަ ނަމަވެސް، އާންމު އުސޫލަކީ އެ ކޮންޓްރެކްޓުގެ ދަށުން ވާރިސުން ޒިންމާ އުފުލަން ލާޒިމު ނުވުމެވެ. ނަމަވެސް މި އާންމު އުސޫލުގެ މައްޗަށް ތަތުބީގުކުރެވޭ އިސްތިސްނާ ދެ ހާލަތެއް އޮވެއެވެ. އެ އިސްތިސްނާ ދެ ހާލަތަކީ:
(ހ) ކޮންޓްރެކްޓުގެ ދަށުން ލިބޭ މަންފާ ބޭނުންކުރުން އެ ކޮންޓްރެކްޓުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކުގެ މައްޗަށް ބަރޯސާ ވެފައި އޮންނަ ހާލަތު؛ އަދި
(ށ) ކޮންޓްރެކްޓުގެ ދަށުން އުފުލަންޖެހޭ އިލްތިޒާމުތަކަކީ އެ ކޮންޓްރެކްޓުގެ މައުޟޫއުގައި ހިމެނޭ މުދަލުގެ މައްޗަށް އުފެދޭ އިލްތިޒާމުތަކަކަށް ވާ ހާލަތު.
25HN3HN4އެހެންކަމުން މި ބަޔާންކުރި އިސްތިސްނާއީ ދެ ހާލަތުންކުރެ ކޮންމެ ހާލަތެއްގައިވެސް ކޮންޓްރެކްޓުގެ ދަށުން މަރްހޫމް އަދާކުރަންޖެހޭ އިލްތިޒާމް ވާރިސުން އަދާކުރަންޖެހޭނެއެވެ. ނަމަވެސް މިގޮތަށް ކޮންޓްރެކްޓެއްގެ ދަށުން ވާރިސުން ޒިންމާ އުފުލަންޖެހޭ ހާލަތުގައިވެސް އެގޮތުން އަދާކުރަންޖެހޭ ޒިންމާ ވާރިސުން އުފުލަންޖެހޭނީ މަރްހޫމް ދޫކޮށްފައިދާ މުދަލާ ފައިސާއިންނެވެ. އެ ޒިންމާ އަދާކުރުމަށް ފުދޭ މިންވަރަށް މަރްހޫމްގެ މުދަލެއް ނުވަތަ ފައިސާއެއް ނެތް ހާލަތުގައި އެފަދަ ޒިންމާއަކަށް ވާރިސުން ޝަޚުސީގޮތުން ޒިންމާވާން ނުޖެހޭނެއެވެ. މަރްހޫމްގެ މުދަލުން ވާރިސުންނަށް ލިބޭނީ މަރްހޫމްގެ މުދަލުން އެފަދަ އިލްތިޒާމްތަކާއި ޒިންމާތައް އަދާކުރުމަށްފަހު ބާކީ އެއްޗެއް އޮތް ނަމަ އެ އެއްޗެކެވެ. އަދި އެ އިލްތިޒާމަކީ މުދަލުގެ މައްޗަށް ވަކި ޝަރުތުތަކެއްގެ މަތިން ހިނގަމުންދާ ނުވަތަ ދެމިގެންދާ ބާވަތުގެ އިލްތިޒާމެއްނަމަ ވާރިސުންނަށް އެ މުދަލެއް ލިބޭނީ އެ އިލްތިޒާމުތައް އެ މުދަލާ ބަނދެވިގެންނެވެ. ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް މެނުވީ އެ އިލްތިޒާމްތައް އެ މުދަލުން ވަކިނުކުރެވޭނެއެވެ. އަދި ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް މެނުވީ އެ އިލްތިޒާމުތައް އެ މުދަލުން ބީވެގެންވެސް ނުދާނެއެވެ.
26HN5ބިމަކާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ގާއިމުކުރެވޭ ކުލީގެ ހައްގާއި ރަހުނުގެ ހައްގާއި ކޯޓުތަކުން ގަބޫލުކުރާ ލިއެންގެ ހައްގަކީ މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކެއް ކަމުގައި ވާތީވެ، އެކަކުގެ ކިބައިން އަނެކަކަށް ބިން ނަގުލުވާނީ ބިމާ ގުޅިފައިވާ ކުލީގެ އިލްތިޒާމުތަކާއި ރަހުނުގެ އިލްތިޒާމުތަކާއި ލިއެންގެ އިލްތިޒާމުތަކާއި އެކުގައެވެ. އެހެންކަމުން އެއް ފަރާތުން އަނެއް ފަރާތަށް ބިމެއްގެ މިލްކުވެރިކަން ނަގުލުވާއިރު، އެ ބިމުގެ މިލްކުވެރިކަން ނަގުލުވުމުގެ ކުރިން އެ ބިމުގެ މައްޗަށް އެހެން ފަރާތްތަކަށް އުފެދިފައިވާ ހައްގުތައް ނިމުމަކަށް ނާންނާނެއެވެ. (އޭގެ ތެރޭގައި މީހަކު މަރުވެގެން ތަރިކައިގެ މުދަލުގެ ގޮތުގައި ވާރިސުންނަށް ލިބޭ މުދާވެސް ހިމެނެއެވެ.)
27HN6ބިމުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތައް ބިމާއެކުގައި ދެމިގެންދާނެ ކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުގެ ގަޒިއްޔާއެއްގައި ކަނޑައަޅާފައިވެއެވެ. ސުޕްރީމް ކޯޓުން ނިންމާފައިވާ ނިކަ މޯލްޑިވްސް ޕވޓ ލޓޑ ވ. އަބްދުﷲ ރަޝީދު ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުގައި ފަނޑިޔާރުން ބަޔާންކޮށްފައިވަނީ މުދަލުގެ މައްޗަށް އުފެދޭ ހައްގަކީ މާއްދީ އެއްޗެއްގެ މައްޗަށް ބާރު ފޯރުވަން ލިބޭ ހައްގެއް ކަމަށާއި، ކުލީގެ ކޮންޓްރެކްޓެއްގެ ދަށުން ޝަހުސަކަށް ލިބޭ މަންފާ ލިބިގަތުމުގެ ހައްގާއި މުދަލުގެ މައްޗަށް އުފެދޭ ހައްގަކީ ތަފާތު ދެ އެއްޗެއްކަމަށެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އިތުރަށް ބަޔާންކޮށްފައިވަނީ، މުދަލުގެ މައްޗަށް އުފެދޭ ހައްގުތަކާއި ވާޖިބުތަކަކީ ބާވެ އުވިގެންދާނެ ހައްގުތަކެއް ނުވަތަ ވާޖިބުތަކެއް ނޫންކަމަށާއި މުދަލުގެ މައްޗަށް އުފެދޭ ކޮންމެ ހައްގަކީ ނުވަތަ ވާޖިބަކީ ވާރިސުންނަށް ވާރުތަވާނޭ އެއްޗެއް ކަމަށެވެ. އެއާ ހިލާފަށް، މީހެއްގެ ޒާތާ ގުޅިފައިވާ ޝަހުސީ ހައްގުތަކާއި ވާޖިބުތަކަކީ ވާރުތަވެރިންނަށް ވާރުތަވާނޭ އެއްޗެއް ނޫން ކަމަށެވެ.
28އެހެންކަމުން ދެން އުފެދޭ ސުވާލަކީ މުދަލުގެ މައްޗަށް އުފެދޭ ހައްގެއް އެއްބަސްވުމެއްގެ ދަށުން އުފައްދާފައި ވަނިކޮށް، އެ މުދަލުގެ ވެރިފަރާތް މަރުވެއްޖެ ހާލަތެއްގައި، އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުދަލުގެ ހައްގު ލިބިފައިވާ ފަރާތަކުން އެ މީހާ މަރުވާ ދުވަހުން ފެށިގެން60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި ތަރިކައާބެހޭ ދައުވާގެ ގާނޫނުގެ ދަށުން ދައުވާކޮށްފައިނުވާނަމަ އެ މުދަލުގެ ހައްގެއް އުވިގެންދާނެތޯ އާއި އެފަދަ އެއްބަސްވުންތައް ކޯޓުން ތަންފީޒު ނުކުރެވޭނެތޯއެވެ.
ތަރިކައާބެހޭ ދައުވާގެ ގާނޫނުގެ ދާއިރާ
29ތަރިކައާބެހޭ ދައުވާގެ ގާނޫނަކީ 1975 ވަނަ އަހަރު ހަދާފައިވާ ވަރަށް ކުރު ގާނޫނެކެވެ. އެ ގާނޫނުގައި ބަޔާންކޮށްފައިވަނީ އަންނަނިވި ގޮތަށެވެ.
"މީހަކު މަރުވުމަށްފަހު އެމީހަކާމެދު ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ފަދަ ކަމެއް އޮވެގެން ދައުވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި، މާލޭގައިނަމަ މިނިސްޓްރީ އޮފް ޖަސްޓިހުގެ ކަމާބެހޭ ކޯޓަށް، ރާއްޖެތެރޭގައިނަމަ ރަށުކޯޓަށް ހުށަހަޅަންވާނެއެވެ. މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލޭނީ އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދައުވާއެއް ކުރާ މީހަކު ނެތީކަމަށެވެ.
މިހާތަނަށް މަރުވެފައިވާ މީހުންގެ ތެރެއިން މީހެއްގެ މައްޗަށް އެފަދަ ދައުވާއެއް އޮތްކަމަށް ވަނީވިއްޔާ 1 ޑިސެމްބަރ 1975 ދުވަހުގެ ކުރިން ހުށަހަޅަން ވާނެއެވެ. މިގޮތުން މި މުއްދަތުގެ ތެރޭގައި ހުށަނާޅައިފިނަމަ ބެލެވޭނީ އެއިން މީހެއްގެ މައްޗަށް އެފަދަ ދައުވާއެއް ކުރާ މީހަކު ނެތީ ކަމުގައެވެ."
30HN7HN8ތަރިކައާބެހޭ ގާނޫނުގެ ފުރަތަމަ އިބާރާތަށް ބަލާއިރު އެ ޕެރެގްރާފުގައި ބުނެފައި އެވަނީ މީހަކު މަރުވުމަށްފަހު "އެ މީހަކާމެދު ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ފަދަ ކަމެއް އޮވެގެން ދައުވާކުރާ މީހަކު ހުރެއްޖެނަމަ، އެމީހަކު މަރުވާ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި" ދައުވާ ކުރަންވާނެ ކަމަށާއި އެ މުއްދަތުގެ ތެރޭގައި ދައުވާއެއް ކޮށްފައިނެތް ނަމަ "ބެލޭނީ އެމީހެއްގެ މައްޗަށް ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ނުވަތަ އެހެންވެސް އެފަދަ ކަމެއްގެ ދައުވާއެއް ކުރާ މީހަކު ނެތީކަމަށެވެ." ގާނޫނުގެ މި އިބާރާތަށް ބެލުމުން އަންނަނިވި ކަންކަން ސާފުކޮށް އެނގެއެވެ.
(ހ) މީހަކު މަރުވުމަށްފަހު 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް މި ގާނޫނުގެ ދަށުން ލާޒިމުކޮށްފައިވަނީ ދެ ބާވަތެއްގެ ދައުވާކަން. އެ ދެ ބާވަތުގެ ދައުވާއަކީ:
(i)މަރްހޫމްގެ މައްޗަށް ދަރަންޏެއް ނުވަތަ އެފަދަ ކަމެއް އޮވެގެން ކުރެވޭ ދައުވާތައް؛ އަދި
(ii)މަރްހޫމް ކޮށްފައިވާ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއް އޮވެގެން އެފަދަ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއްގެ މަންފާ ލިބެނިވި ފަރާތަކުން އެ މަންފާއެއް ލިބިގަތުމަށް އެދި ކުރާ ދައުވާތައް.
(ށ) މި ގާނޫނުން، ދައުވާކުރުމަށް މުއްދަތެއް ކަނޑައަޅާފައިވަނީ މަރްހޫމްގެ ޝަޚުސުގެ މައްޗަށް ކުރާ ދައުވާތަކަށްކަން.
(ނ) މި ގާނޫނުގެ އެއްވެސް ތަނެއްގައި މުދަލުގެ މައްޗަށް ކުރެވޭ ދައުވާއެއް ކުރުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައި ނުވާކަން.
(ރ) ކޮންޓްރެކްޓެއްގެ ބައިވެރިއަކު މަރުވާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އެ ކޮންޓްރެކްޓު ތަންފީޒު ކުރުމަށް ކޯޓަކަށް ހުށަނާޅައިފި ނަމަ އެ ކޮންޓްރެކްޓު ބާތިލުވާނެ ކަމަށް ނުވަތަ ތަންފީޒު ނުކުރެވޭނެ ކަމަށް މި ގާނޫނުގެ އެއްވެސް ތަނެއްގައި ބުނެފައިނުވާކަން، އަދި އެގޮތަށް ދޭހަކުރެވޭނެ ފަދަ އިބާރާތެއްވެސް ނެތްކަން.
31އިސްވެދިޔަ ޕެރެގްރާފުގައި ބަޔާންކުރި ފަދައިން ތަރިކައާބެހޭ ދައުވާގެ ގާނޫނުގައި ބުނެފައިވާ ގޮތުން މީހަކު މަރުވުމަށްފަހު 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް އެ ގާނޫނުގެ ދަށުން މުއްދަތު ކަނޑައަޅާފައިވަނީ މަރްހޫމްގެ ޝަޚުސުގެ މައްޗަށް ހައްގެއް އުފެދިފައި އޮވެގެން ކުރެވޭ ދައުވާތަކާއި މަރްހޫމް ކޮށްފައިވާ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއް އޮވެގެން އެފަދަ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއްގެ މަންފާ ލިބެނިވި ފަރާތަކުން އެ މަންފާއެއް ލިބިގަތުމަށް އެދި ކުރާ ދައުވާތަކެވެ. މަރްހޫމްގެ މުދަލުގެ މައްޗަށް އުފައްދާފައިވާ ހައްގެއް ތަންފީޒުކުރަން ހުށަހެޅުމަށް ތަރިކައާބެހޭ ދައުވާގެ ގާނޫނުގައި ވަކި މުއްދަތެއް ބަޔާންކޮށްފައި ނުވާތީވެ، ޙަސަން ގާސިމްއާއި މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމަކީ ޙަސަން ގާސިމްގެ މުދަލެއްގެ މައްޗަށް ހައްގެއް އުފައްދާ އެއްބަސްވުމެއް ނަމަ، އެ އެއްބަސްވުމަށް އަމަލުކޮށް އިހްތިރާމްކުރުމަކީ މަރުހޫމް ޙަސަން ގާސިމްގެ ވާރިސުންގެ މައްޗަށް ޝަރުއީ ގޮތުންނާއި ގާނޫނީ ގޮތުން ލާޒިމުވާނޭ ކަމެކެވެ.
އެއްބަސްވުމުގެ ދަށުން އުފައްދާފައިވާ ހައްގުތަކާއި ވާޖިބުތަކުގެ ބާވަތް
32ދެފަރާތުގެ ދެމެދުގައި ސޮއިކޮށްފައިވާ ދެ އެއްބަސްވުމުގެ ދަށުން ދެފަރާތުން ކޮށްފައިވަނީ އެއް މުއާމަލާތެކެވެ. އެ މުއާމަލާތަކީ އެ ދެ އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން މުޙައްމަދު ޔޫސުފް މޫސާގެ އަތުން ޙަސަން ގާސިމް ދަރަންޏަށް ނަގާފައިވާ ފައިސާ އަނބުރާ ދެއްކެން ނެތުމުން ޙަސަން ގާސިމްގެ ނަމުގައި ރަޖިސްޓަރީކޮށްފައިވާ މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާ އާއި ހަވާލުކޮށް އޭނާއަށް ފެންނަ ބަދަލެއް ގެނެސްގެން ވިޔަފާރި އުސޫލުން އެ އިމާރާތް ކުއްޔަށްދީގެން ފައިދާ ހޯދުމުގެ ހައްގު މުޙައްމަދު ޔޫސުފްއަށް ދިނުމެވެ. އަދި، ޙަސަން ގާސިމް ބޭނުންވަނީ އިސްވެ ބަޔާންކުރި ދަރަނި އެއްފަހަރާ ދައްކައި އަދާކުރެވެންދެން މުޙައްމަދު ޔޫސުފްއަށް މަންފާ ލިބޭ ގޮތަށް އޭނާގެ ބެލުމުގެ ދަށުގައި އެ އިމާރާތް ބެހެއްޓުންކަން އެއްބަސްވުމުގެ މާއްދާތަކުން އެނގެއެވެ. އަދި އެއްބަސްވުމުގައި ބުނެފައިވަނީ ދަރަނި އެއްފަހަރާ އަދާކުރާ ތާރީޚުން ފެށިގެން 3 މަސް ދުވަހުގެ ތެރޭގައި އެ ތަން ހުސްކޮށް އެ ތަން ޙަސަން ގާސިމްއާ ހަވާލުކުރަން ޖެހޭނެ ކަމަށާއި، އެގޮތުން ތަން އަނބުރާ ހަވާލުކުރާއިރު އެ ތަނަށް މުޙައްމަދު ޔޫސުފް މޫސާ ކުރި ޚަރަދުގެ އެއްވެސް މިންވަރެއް ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށް ދޭން ނުޖެހޭނެ ކަމަށެވެ. އަދި އެއްބަސްވުމުގައި ބުނެފައިވަނީ މުޙައްމަދު ޔޫސުފް މޫސާ އާއި ހަވާލުކުރި އިމާރާތަށް މުޙައްމަދު ޔޫސުފް މޫސާގެ ފަރާތުން އެއްވެސް ފައިސާއެއް ޙަސަން ގާސިމްއަށް ދޭން ނުޖެހޭނެ ކަމަށެވެ. ދެފަރާތުން އެއްބަސްވެފައިވާ ގޮތަށް މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތައް ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއާ ހަވާލުކޮށްފައިވެއެވެ.
33ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ މުއާމަލާތާ ގުޅޭގޮތުން ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ ދެ އެއްބަސްވުމުގެ ތެރެއިން 8 ފެބްރުއަރީ 2000 ގެ ތާރީޚު ޖަހާފައިވާ އެއްބަސްވުމުގެ ފެށޭ ތަނުގައި މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހިމެނޭ އިމާރާތްތައް ކުއްޔަށް ދިނުމުގެ ވާހަކަ ދައްކާފައިވީ ނަމަވެސް އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ 500 ރުފިޔާ ގެ ކުލި އެއްބަސްވުމުގައިވާ ގޮތަށް އުނިކޮށްފައިވާކަން އެނގެންނެތެވެ. އެއާ ތައާރުޒުވާ ގޮތަށް، ކުއްޔަށް ދިނުމުގެ ވާހަކަ ބަޔާންކުރުމަށްފަހު، އެ ކޮންޓްރެކްޓުގައި ބަޔާންކޮށްފައިވަނީ، ދަރަނީގެ ފައިސާ މުޙައްމަދު ޔޫސުފް މޫސާއަށް ހަމައަށް ލިބެންދެން މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާގެ އަމިއްލަ ޚަރަދުގައި ބޭނުންވާ ބަދަލެއް ގެނެސްގެން ވިޔަފާރި އުސޫލުން އެ އިމާރާތް ކުއްޔަށް ދީގެން ފައިދާ ހޯދުމުގެ ހައްގާއި ބާރު މުޙައްމަދު ޔޫސުފް މޫސާ އަށް ލިބިގެންވާ ކަމަށާއި، ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށް1,175,632.00 (އެއް މިލިއަން އެއްލައްކަ ހަތްދިފަސް ހާސް ހަސަތޭކަ ތިރީސް ދެ ރުފިޔާ) ލިބޭތާ 3 މަސް ދުވަހުގެ ތެރޭގައި އެ ތަން ހުސްކޮށް އެ ތަން ޙަސަން ގާސިމްއާ ހަވާލުކުރަން ޖެހޭނެ ކަމަށެވެ.
34ދެފަރާތުގެ ދެމެދުގައި ކޮށްފައިވާ މުއާމަލާތުގެ އެއްބަސްވުންތަކަށް ބަލާއިރު، މި މުއާމަލާތުގެ މައިގަނޑު މަގްސަދަކީ ޙަސަން ގާސިމް މުޙައްމަދު ޔޫސުފް މޫސާއަށް އަދާކުރަންޖެހޭ ދަރަނި އަދާކުރެވެން ނެތިގެން އެ ދަރަނި އަދާކުރާނެ ކަމުގެ ކަށަވަރުކަން ދިނުމުގެ ގޮތުން ޙަސަން ގާސިމްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތައް ރަހުނުގެ ގޮތުގައި ބެހެއްޓުން ކަން އެނގެއެވެ. އެހެންކަމުން މިއީ މއ. ހިއްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހިމެނޭ އިމާރާތްތަކުގެ މައްޗަށް މުޙައްމަދު ޔޫސުފް މޫސާއަށް ހައްގުތަކެއް އުފެއްދުމަށް މަސައްކަތްކުރުމުގެ ގޮތުން ހަދާފައިވާ އެއްބަސްވުމެއްކަން އެނގެއެވެ.
35ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށް އަދާކުރަންޖެހޭ ދަރަނި އަދާކުރެވެން ނެތިގެން އެ ދަރަނި އަދާކުރާނެ ކަމުގެ ކަށަވަރުކަން ދިނުމުގެ ގޮތުން ޙަސަން ގާސިމްގެ ނަމުގައި ރަޖިސްޓަރީ ކުރެވިފައިވާ މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތައް ރަހުނުގެ ގޮތުގައި ބެހެއްޓުމަށް ވެފައިވާ އެއްބަސްވުމަކީ ގާނޫނީ ގޮތުން ސައްހަ ރަހުނެއް އުފެދޭ އެއްބަސްވުމެއްނަމަ އެ އެގްރިމެންޓުގެ ޒަރީއާއިން މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތަކުގެ މައްޗަށް މިލްކުވެރިކަމުގެ ހައްގެއް އުފެދޭނެއެވެ. އަދި އެ މުދާ އޮތީ ކޮންމެ މީހެއްގެ އަތުގައި ކަމަށްވީ ނަމަވެސް އެ ހައްގު މުދަލުގެ މައްޗަށް ތަންފީޒުކުރެވޭނެއެވެ. އެހެން ކަމުން ތިރީގައި ބަލާލާފައި މިވަނީ އެއްބަސްވުމުގެ ދަށުން ޙަސަން ގާސިމްގެ ފަރާތުން މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތަކުގެ މައްޗަށް އުފައްދަން މަސައްކަތްކުރި ރަހުނަކީ ސައްހަ ރަހުނެއްތޯ ނުވަތަ ނޫންތޯއެވެ.
36HN9HN10ޤާނޫނު ނަންބަރު 93/9 (ރަހުނާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާގައި ރަހުނު ބެހެއްޓުން ކަމަށް ބުނެފައިވަނީ، ދަރަންޏެއް ނަގާއިރު، އެ ދަރަނި އަދާނުކުރެވިއްޖެނަމަ ދަރަނި ދޭ މީހާގެ ހައްގު ހޯދުމަށް ވިއްކާލެވިދާނެ ނުވަތަ ކުއްޔަށް ދެވިދާނެ އެއްޗެއް ބެހެއްޓުން ކަމަށެވެ. އިތުރަށް، އެ ގާނޫނުގެ 4 ވަނަ މާއްދާގައި ބުނެފައިވަނީ ވިއްކުން ހުއްދަވާ ކޮންމެ އެއްޗެއް ރަހުނަށް ބެހެއްޓުން ހުއްދަވާނެ ކަމަށެވެ. ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށް އަދާކުރަންޖެހޭ ދަރަނި އަދާކުރެވެން ނެތިގެން އެ ދަރަނި އަދާކުރާނެ ކަމުގެ ކަށަވަރުކަން ދިނުމުގެ ބޭނުމުގައި ޙަސަން ގާސިމްގެ ފަރާތުން ރަހުނުގެ ގޮތުގައި މުޙައްމަދު ޔޫސުފް މޫސާއާ ހަވާލުކޮށްފައިވަނީ، ޙަސަން ގާސިމްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތަކެވެ. މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތައް ރަހުނެއްގެ ގޮތުގައި މުޙައްމަދު ޔޫސުފް މޫސާއާ ހަވާލުކުރި އިރު މއ. ހިތްތަލަވިލާ އަކީ ބަންޑާރަ ގޯއްޗެއް ކަމަށް ވާތީވެ، ބަންޑާރަ ގޯއްޗެއްގައިވާ އިމާރާތެއް ރަހުނެއްގެ ގޮތުގައި ދަރަނިދޭ ފަރާތަކަށް ހުށަހަޅާނަމަ، ބިމުގެ ވެރި ފަރާތުގެ ހުއްދަ ހޯދުމަށް ގާނޫނު ލާޒިމުކުރެއެވެ. މީގެ އިތުރުން ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށް އަދާކުރަންޖެހޭ ދަރަނި އަދާކުރެވެން ނެތިގެން އެ ދަރަނި އަދާކުރާނެ ކަމުގެ ކަށަވަރުކަން ދިނުމުގެ ގޮތުން ޙަސަން ގާސިމްގެ ނަމުގައި ރަޖިސްޓްރީ ކުރެވިފައިވާ މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތަކަކީ އޭރު އަމަލުކުރަމުން ދިޔަ ގާނޫނުތަކުގެ ދަށުން ވިއްކުން ހުއްދަ އެއްޗެއް ނޫނެވެ. ދެފަރާތުގެ ދެމެދުގައި އެއްބަސްވުން ވެފައިވަނީ 8 ފެބްރުއަރީ 2000 ގައި ކަމަށްވާއިރު، ބަންޑާރަ ގޯތި ވަކި އުސޫލަކުން އަމިއްލަކޮށްގެން ވިއްކުމުގެ ހައްގު ބަންޑާރަ ގޯއްޗެއް ލިބިފައިވާ ފަރާތްތަކަށް ލިބުނީ 2002 ވަނަ އަހަރު އަމަލުކުރަން ފެށި ބިމާބެހޭ ގާނޫނުގެ ދަށުންނެވެ. ވީމާ، ޙަސަން ގާސިމްއާ މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު މި މައްސަލައިގައި ހިމެނޭ ރަހުނުގެ މުއާމަލާތް ކުރިއިރު އެ ގޯއްޗާއި އެ ގޯތީގައިވާ އިމާރާތަކީ ވިއްކާލެވިދާނެ މުދަލެއް ކަމުގައި ނުވާތީވެ، ރަހުނާބެހޭ ގާނޫނުގެ 2 ވަނަ މާއްދާ އާއި 4 ވަނަ މާއްދާގައި ބުނެފައިވާ ރަހުނު ސައްހަވުމުގެ ޝަރުތު އެ މުދަލުގައި ހަމަނުވެއެވެ. އެހެންކަމުން، މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހިމެނޭ އިމާރާތްތަކުގެ މައްޗަށް މުޙައްމަދު ޔޫސުފް މޫސާއަށް ރަހުނުގެ ހައްގުތަކެއް އުފެއްދުމަށް ޙަސަން ގާސިމް މަސައްކަތްކުރި ނަމަވެސް، އެ އެއްބަސްވުމުގެ ދަށުން ގާނޫނީ ގޮތުން ސައްހަ ރަހުނެއް އުފެއްދިފައި ނުވާތީވެ، މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތަކުގެ މައްޗަށް 8 ފެބްރުއަރީ 2000 ތާރީޚުގައި ސޮއިކުރެވިފައިވާ އެއްބަސްވުމުގެ ދަށުން މުދަލުގެ ހައްގެއް އުފެދިފައެއް ނެތެވެ.
ހުއްދަނޫން މަންފާ ރައްދުކުރުމުގެ ވާޖިބު
37HN11ކޮންޓްރެކްޓެއް ކުރެވޭއިރު އެ ކޮންޓްރެކްޓަކީ ޣައިރު ގާނޫނީ ކޮންޓްރެކްޓެއްކަން ދެފަރާތަށްމެ އެނގޭކަމަށް ބަލަންޖެހޭ ހާލަތުގައި، ނުވަތަ އެނޫންވެސް ގޮތަކަށް ކޮންޓްރެކްޓަކީ ފެށުނީއްސުރެ ޣައިރު ގާނޫނީ ކޮންޓްރެކްޓެއް ކަމަށް ކަނޑައެޅޭ ހާލަތުގައި ކޮންޓްރެކްޓުގެ ދަށުން ލިބިފައިވާ މަންފާ ނުވަތަ ފައިދާ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ އަތުގައި ބެހެއްޓުމަކީ ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެގޮތުން، މި މައްސަލައިގައި މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާއާ ހަވާލުކޮށް އެ މުދަލުން މަންފާ ހޯދުމުގެ އިޚްތިޔާރު ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް ދޭން މަސައްކަތްކޮށްފައިވީ ނަމަވެސް، އެ އެއްބަސްވުމަކީ ފެށުނީއްސުރެ ޣައިރު ގާނޫނީ ކޮންޓްރެކްޓަކަށްވާތީވެ، އެ ގޮތުން އެ އިމާރާތް ބޭނުންކޮށްގެން މުޙައްމަދު ޔޫސުފް މޫސާއަށް ލިބިފައިވާ ފައިސާއަކީ ޙަސަން ގާސިމްއަށް ނުވަތަ ޙަސަން ގާސިމްގެ ވާރިސުންނަށް ރައްދުކުރަންޖެހޭ ފައިސާއެކެވެ.
38މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތައް ބޭނުންކޮށްގެން މުޙައްމަދު ޔޫސުފް މޫސާއަށް ލިބިފައިވާ މަންފާ ޙަސަން ގާސިމްއަށް ނުވަތަ ޙަސަން ގާސިމްގެ ވާރިސުންނަށް ރައްދުކުރަންޖެހޭ ސަބަބަކީ މި މައްސަލައިގައި މުޙައްމަދު ޔޫސުފް މޫސާ މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތައް ބޭނުންކޮށްގެން ލިބިފައިވާ މަންފާއަކީ ޙަސަން ގާސިމްއާއި އޭނާގެ ވާރިސުންގެ ހެވަތުގައި މުޙައްމަދު ޔޫސުފް މޫސާއަށް ލިބިފައިވާ ބޭއިންސާފު މުއްސަނދިކަމަކަށް ވާތީއެވެ. އެ މަންފާ މުޙައްމަދު ޔޫސުފް މޫސާގެ އަތުގައި ބެހެއްޓުން އޭނާއަށް ހައްގުވާ އެއްވެސް ގާނޫނީ ސަބަބެއް ނެތަތީއެވެ.
39HN12މަތީގައި ބަޔާންކުރެވުނު އުސޫލުތަކުގެ އިތުރުން، މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހުރި އިމާރާތްތައް ބޭނުންކޮށްގެން މުޙައްމަދު ޔޫސުފް މޫސާއަށް ލިބިފައިވާ މަންފާ ޙަސަން ގާސިމްއަށް ނުވަތަ ޙަސަން ގާސިމްގެ ވާރިސުންނަށް ރައްދުކުރަންޖެހޭ އަނެއް ސަބަބަކީ އެ އިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާގެ އަތުގައި ހުރި މުއްދަތުގައި އެ މުދަލުން އޭނާ މަންފާ ލިބިގަތުމުގެ ސަބަބުން ޒިމްނީ ޓްރަސްޓެއް އުފެދިފައިވާ ކަމަށް އަދާލަތުގެ ހަމަތަކުގެ ދަށުން އިފްތިރާޒުކުރަން ލާޒިމުވާތީއެވެ. މީހެއްގެ މުދަލެއްގެ އަތުގެ ވެރިކަން ނުވަތަ މީހެއްގެ މުދަލެއްގެ ގާނޫނީ މިލްކުވެރިކަން އެހެން ފަރާތަކަށް ލިބިފައި އޮންނަ ހާލަތުގައި އެ އެއްޗަކުން ލިބޭ މަންފާ އެ ފަރާތަކަށް ލިބުމަކީ ޒަމީރު ހުއްދަކުރާ ކަމެއްކަމަށް ނުވާނަމަ ނުވަތަ އިންތިހާއަށް ބޭއިންސާފުކަމަކަށް ވާނަމަ އެ ފަރާތަކީ ޓްރަސްޓީއެއް ކަމަށް އިފްތިރާޒު ކުރުމަށް އަދާލަތުގެ ހަމަތައް ލާޒިމުކުރެއެވެ. މިގޮތަށް، އެފަދަ ހާލަތްތަކުގައި މުދަލެއްގެ ގާނޫނީ މިލްކުވެރި ފަރާތުން ނުވަތަ އެ މުދަލެއްގެ އަތުގެވެރިކަން އޮންނަ ފަރާތަކުން ހޯދާ މަންފާތައް އެ މުދަލެއްގެ މަންފާ ލިބެނިވި ފަރާތްތަކަށް ރައްދުކުރުމަށް އަދާލަތުގެ ހަމަތައް ލާޒިމުކުރެއެވެ. މިފަދަ އަދާލަތުގެ ހަމަތަކަކީ އަދުލުއިންސާފުގެ ސޫރަ ހަގީގީ ސިފައެއްގައި ކުރެހިގެންދާ ވަސީލަތްތަކެކެވެ.
40HN13މީހެއްގެ މުދަލަކާ ހަވާލުވެހުރި ފަރާތެއްގެ މައްޗަށް ނުވަތަ މުދަލެއްގެ ގާނޫނީ މިލްކުވެރިކަން އޮންނަ ފަރާތެއްގެ މައްޗަށް ޒިމްނީ ޓްރަސްޓެއް އޮތް ކަމަށް އިފްތިރާޒުކުރުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ސަބަބަކީ ޓްރަސްޓްގެ މަފްހޫމަކީ މިލްކުވެރިކަމުގެ މައްސަލަތަކާއި ވިޔަފާރީގެ ތަފާތު ވަރަށް ގިނަ ބާވަތްތަކުގެ މައްސަލަތަކުގައި އިންސާފު ހޯދައިދިނުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރާ ހަމައަކަށް ވާތީއެވެ. ނަމަވެސް މިފަދަ ޓްރަސްޓުގެ ވަސީލަތްތަކާއި ނުލައި މުދަލުގެ މައްސަލަތަކާއި ވިޔަފާރީގެ މުއާމަލާތްތަކުގެ މައްސަލަތައް ހައްލުކުރުމަކީ މި ޒަމާނުގައި މުސްތަހީލު ކަމެކެވެ. ވިޔަފާރިއާއި މުއާމަލާތްކުރުމުގައި އައު ގޮތްތައް އީޖާދު ކުރެވިގެންދާއިރު، އެއާއެކު އުފެދިގެން އަންނަ އައު މައްސަލަތައް ހައްލުކުރެވޭނީ އަދާލަތުގެ މިފަދަ ވަސީލަތްތަކުގެ އެހީގައެވެ. މީހަކު އެހެން މީހަކާ ހަވާލުކުރާ މުދަލާއި ފައިސާއާއި، ދަރަންޏަށް ދޫކުރާ ފައިސާއާއި، އޮޅިގެން އެކަކުގެ ފަރާތުން އަނެކަކަށް ދެވޭ ފައިސާ އާއި، މިނޫނަސް އަމާނާތްތެރިކަމުގެ ވާޖިބު އޮންނަ ފަރާތެއްގެ އަމާނާތުގެ ދަށުގައި ހުންނަ މުދަލާއި ފައިސާއާ ގުޅިގެން އަދާކުރަންޖެހޭ ވާޖިބާ ޚިލާފުވެ އިހުމާލުވުމާއި، އެއިން އަމިއްލަ މަންފާ ހާސިލުކުރުން ފަދަ ހާލަތްތަކުގައި ބޭއިންސާފު މުއްސަނދިކަމެއް އެކެއްގެ ހެވަތުގައި އަނެކަކަށް ލިބިފައިވާ ނަމަ، އެ ފައިސާ ރައްދުކުރުމަށް ލާޒިމުކުރުމަށްޓަކައި، ޓްރަސްޓުގެ ގާނޫނުގެ ތަފާތު ވަސީލަތްތަކުގެ ބޭނުން ހިފަން ލާޒިމުވެއެވެ.
41HN14HN15ޒިމްނީ ޓްރަސްޓެއް އޮތް ކަމަށް އިފްތިރާޒު ކުރެވޭނީ މުދަލުގެ އަތުގެވެރިކަން ނުވަތަ ގާނޫނީ މިލްކުވެރިކަން އޮންނަ ފަރާތެއްގެ މައްޗަށް، އެ މުދަލުން މަންފާ ލިބެނިވި ފަރާތަކުން ދައުވާކުރާ ހާލަތުގައި، މުދަލުގެ ގާނޫނީ މިލްކުވެރިކަން އޮންނަ ފަރާތުން ނުވަތަ މުދަލުގެ އަތުގެ ވެރިފަރާތުން އެ މަންފާ ލިބިގަތުމަކީ ޒަމީރު ތަންނުދޭ އަދި އިންތިހާއަށް ބޭއިންސާފު ކަމެއް ކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭ ހާލަތުގައެވެ. މީގެ ރަނގަޅު އެއް މިސާލަކީ އަމާނާތްތެރިކަމުގެ ވާޖިބެއް އޮންނަ ފަރާތަކުން ހުއްދަނޫން މަންފާއެއް އެމީހާ ހަވާލުވެފައިވާ މުދަލަކުން ނުވަތަ ފައިސާއަކުން ލިބިގަންނަ ހާލަތުގައި ޒިމްނީ ޓްރަސްޓެއް އޮތް ކަމަށް އިފްތިރާޒުކުރުމެވެ. މިފަދަ ހާލަތްތަކުގައި ޓްރަސްޓީ ލިބިގަންނަ ފައިދާ އެ މުދަލުގެ މަންފާ ލިބެނިވި ފަރާތްތަކަށް ރައްދުކުރުން ލާޒިމްވެގެން ވެއެވެ. ޓްރަސްޓީ އަށް ލިބުނު މަންފާ ބޭނުންކޮށް ހުސްވެފައިވާ ނަމަ ނުވަތަ ތިންވަނަ ފަރާތަކަށް ނަގުލުކޮށްފައިވާނަމަ، އެ ޓްރަސްޓީގެ އަމިއްލަ ފައިސާއިން އެ ފައިސާ ރައްދުކުރުމަކީ އެ ޓްރަސްޓީއެއްގެ ވާޖިބެކެވެ. މިފަދަ މުދަލެއް ތިންވަނަ ފަރާތެއްގެ މައްޗަށް ނަގުލުކޮށްފައި އޮންނަ ހާލަތުގައި، އަމާނާތްތެރިކަމުގެ ވާޖިބެއް އެ ޓްރަސްޓީގެ މައްޗަށް އޮތްކަން ތިންވަނަ ފަރާތަށް އެނގޭނަމަ، އެ މުދާ ރައްދުކުރުމުގެ ވާޖިބު ތިންވަނަ ފަރާތުގެ މައްޗަށްވެސް ދެމިގެން ދާނެއެވެ. މިފަދަ ހާލަތްތަކުގައި ޒިމްނީ ޓްރަސްޓެއް އޮތްކަމަށް އިފްތިރާޒު ކުރެވިއްޖެނަމަ މިފަދަ ފައިސާއަކީ ޓްރަސްޓީގެ އެހެނިހެން ދަރަނިތަކުގެ މައްޗަށް އިސްކުރެވޭނެ ދަރަންޏެކެވެ.
މުޙައްމަދު ޔޫސުފް މޫސާގެ އަތުން ޙަސަން ގާސިމް ނަގާފައިވާ ދަރަނި
42HN16މުޙައްމަދު ޔޫސުފް މޫސާގެ އަތުން ޙަސަން ގާސިމް ނަގާފައިވާ ދަރަންޏާގުޅޭ ގޮތުން ޙަސަން ގާސިމްއާއި މުޙައްމަދު ޔޫސުފް މޫސާއާ ދެމެދު ސޮއިކޮށްފައިވާ ދެ ލިޔުމުގެ ތެރެއިން އެއް ލިޔުމުގައި ޙަސަން ގާސިމްގެ ވާރިސުން ސޮއިކޮށްފައި އޮތުމުން އެ ދަރަންޏަކީ ޙަސަން ގާސިމް ނިޔާވިއިރު ވުޖޫދުގައި އޮތް ދަރަންޏެއްކަން ޙަސަން ގާސިމްގެ ވާރިސުންނަށް އެނގޭކަން ސާބިތުވެއެވެ. އެ ދަރަންޏަކީ ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށް ދައްކަންޖެހޭ ދަރަންޏެއްކަން އެނގިތިބެ، މަރްހޫމް ޙަސަން ގާސިމްގެ މުދަލުން އެ ދަރަނި އަދާނުކޮށްތިބެ، މަރްހޫމް ޙަސަން ގާސިމްގެ ތަރިކަ މުދާ ޙަސަން ގާސިމްގެ ވާރިސުން ބޭނުންކުރުމަކީ، މުޙައްމަދު ޔޫސުފް މޫސާގެ ހެވަތުގައި ޙަސަން ގާސިމްގެ ވާރިސުންނަށް ލިބޭ ބޭއިންސާފު މުއްސަނދިކަމެކެވެ. އެހެންކަމުން އެއީ ޙަސަން ގާސިމުގެ މުދަލުން ނަގައި މުޙައްމަދު ޔޫސުފް މޫސާއަށް ރައްދުކުރަންޖެހޭ އެއްޗެކެވެ. އެނގިތިބެ ހައްގުނޫން މަންފާއެއް އަތުގައި ބަހައްޓައިގެން ބޭނުންކުރުމަކީ ޝަރުއީ އެއްވެސް ހަމައަކުން ހުއްދަކުރެވޭނެ ކަމެއް ނޫނެވެ.
ހައްލު
43މަތީގައި ބަޔާންކުރި އަދާލަތުގެ ހަމަތަކަށް ރިއާޔަތްކުރާއިރު، މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހިމެނޭ އިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާއާ ހަވާލުކޮށް އެ މުދަލުން މަންފާ ހޯދުމުގެ އިޚްތިޔާރު ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފްއަށް ދޭން މަސައްކަތްކޮށްފައިވީ ނަމަވެސް، އެ އެއްބަސްވުމަކީ ފެށުނީއްސުރެ ޣައިރު ގާނޫނީ ކޮންޓްރެކްޓަކަށްވާތީވެ އެ މުދާ ހުރީ މުޙައްމަދު ޔޫސުފް މޫސާގެ އަތުގައި ޒިމްނީ ޓްރަސްޓެއްގެ ގޮތުގައި ކަމަށާއި، އެ ހާލަތުގައި މުޙައްމަދު ޔޫސުފް މޫސާއަކީ ޓްރަސްޓީއެއް ކަމަށް އިފްތިރާޒުކުރަން ޖެހެއެވެ. އެ ޓްރަސްޓުގެ މަންފާ ލިބެނިވި ފަރާތަކީ ޙަސަން ގާސިމްއެވެ. ޙަސަން ގާސިމް ނިޔާވުމަށްފަހު ޙަސަން ގާސިމްގެ ވާރިސުންނެވެ. އެހެންކަމުން މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހިމެނޭ އިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާ ބޭނުންކޮށްގެން ލިބިފައިވާ އެންމެހައި މަންފާއަކީ މަންފާ ލިބެނިވި ފަރާތްތަކަށް ރައްދުކުރަންޖެހޭ އެއްޗެކެވެ.
44ހަމަ އެފަދައިން، ޙަސަން ގާސިމްގެ އެކި ބޭނުންތަކަށް މުޙައްމަދު ޔޫސުފް މޫސާ އަތުން ނަގާފައިވާ އެކު ޖުމްލަ1,175,632.00 ރ. (އެއް މިލިއަން އެއްލައްކަ ހަތްދިހަފަސް ހާސް ހަސަތޭކަ ތިރީސް ދެ ރުފިޔާ) އަކީ ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށް ދައްކަންޖެހޭ ދަރަންޏެއްކަން އެނގިތިބެ، މަރްހޫމް ޙަސަން ގާސިމްގެ މުދަލުން އެ ދަރަނި އަދާނުކޮށްތިބެ، މަރްހޫމް ޙަސަން ގާސިމްގެ ތަރިކަ މުދާ ޙަސަން ގާސިމްގެ ވާރިސުން ބޭނުންކުރުމަކީ، މުޙައްމަދު ޔޫސުފް މޫސާގެ ހެވަތުގައި ޙަސަން ގާސިމްގެ ވާރިސުންނަށް ލިބޭ ބޭއިންސާފު މުއްސަނދިކަމަކަށްވާތީވެ، އެ ފައިސާއަކީ މަރްހޫމް ޙަސަން ގާސިމްގެ މުދަލުން އަދާކުރަންޖެހޭ ދަރަންޏެކެވެ.
45މަތީގައިވާ 43 ވަނަ ޕެރެގްރާފާއި 44 ވަނަ ޕެރެގްރާފުގައި ބަޔާންކުރެވުނު އެއް ފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ފައިސާ އަޅާކަނޑައި އުނި އިތުރު ހަމަޖެއްސޭނީ މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހިމެނޭ އިމާރާތްތައް ބޭނުންކޮށްގެން މުޙައްމަދު ޔޫސުފް މޫސާ އަށް ލިބުނު މަންފާގެ އަދަދު ކަށަވަރު ކުރެވިގެން ކަމަށްވާތީވެ، އެއް ފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައަޅައި އުނިއިތުރު ހަމަޖެއްސުމަށް އެ މައްސަލަ ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ހައްގު މި މައްސަލައިގައި ހިމެނޭ ދެފަރާތަށް ލިބިގެންވާ ކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
46މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
47މި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެގޮތުގެމަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/265 ގަޒިއްޔާއާއި ސިވިލް ކޯޓުގެ ނަންބަރު 1896/Cv-C/2015 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، ޙަސަން ގާސިމް، މުޙައްމަދު ޔޫސުފް މޫސާގެ އަތުން ނަގާފައިވާ އެކުޖުމްލަ 1,175,632.00ރ. (އެއް މިލިއަން އެއްލައްކަ ހަތްދިހަފަސް ހާސް ހަސަތޭކަ ތިރީސް ދެ ރުފިޔާ) އަކީ ޙަސަން ގާސިމްގެ ފަރާތުން މުޙައްމަދު ޔޫސުފް މޫސާއަށް ދައްކަންޖެހޭ ދަރަންޏެއް ކަމުގައިވާތީ އާއި މއ. ހިތްތަލަވިލާއެވެ ކިޔާ ބަންޑާރަ ގޯތީގެ އިރުދެކުނު ފަރާތުން 700 އަކަފޫޓުގެ ތެރޭގައި ހިމެނޭ އިމާރާތްތައް މުޙައްމަދު ޔޫސުފް މޫސާ ބޭނުންކޮށްގެން ލިބިފައިވާ އެންމެހައި މަންފާއަކީ މަންފާ ލިބެނިވި ފަރާތްތަކަށް ރައްދުކުރަންޖެހޭ އެއްޗެއް ކަމުގައިވާތީ، އެއް ފަރާތުން އަނެއް ފަރާތަށް ދައްކަންޖެހޭ ފައިސާގެ އަދަދު ކަނޑައަޅައި އުނިއިތުރު ހަމަޖެއްސުމަށް އެ މައްސަލަ ކަމާބެހޭ ކޯޓަށް ހުށަހެޅުމުގެ ހައްގު މި މައްސަލައިގައި ހިމެނޭ ދެފަރާތަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޙުސްނުއްސުޢޫދު (ރިޔާސަތު)
ޢާއިޝާ ޝުޖޫން މުޙައްމަދު
މަޙާޒު ޢަލީ ޒާހިރު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ތަރިކައާބެހޭ ދައުވާގެ ޤާނޫނު (1975)
- ޤާނޫނު ނަންބަރު 9/93 (ރަހުނާބެހޭ ޤާނޫނު) ގެ 2 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 9/93 (ރަހުނާބެހޭ ޤާނޫނު) ގެ 4 ވަނަ މާއްދާ
- ބިމާބެހޭ ޤާނޫނު (2002)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ (ހ)
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާ
- ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 26 ވަނަ މާއްދާ
- ސުޕްރީމް ކޯޓުގެ ނިކަ މޯލްޑިވްސް ޕވޓ ލޓޑ ވ. އަބްދުﷲ ރަޝީދު
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.