ހުންގާނު ޕްރައިވެޓް ލިމިޓެޑް ވ. ޢާއިޝަތު އިޝާން އަދި އިތުރު 10 ފަރާތް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓު 132/Q10C/2016
- ފަހުގެ ތާރީޚު
- ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ތިނަދޫ މެޖިސްޓްރޭޓް ކޯޓުން، ހުންގާނުގެ ބަސް ނުހޯދާ، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައިވާ މުއްދަތުގައި ދަޢުވާ ނުކުރުމުން ކުލީގެ އެއްބަސްވުންތައް ބާޠިލުކަމަށާއި، 22 މަހުގެ ކުއްޔަށް 330,000 ރުފިޔާ ދައްކަންޖެހޭކަމަށް ކަނޑައަޅައި ތަރިކަ ބެހިއެވެ. ހައިކޯޓުގެ ދެކުނުގޮފިން (2018/HC-S-A/05) އެ ބައިތައް ބާޠިލްކުރި ނަމަވެސް، ވާރިޘުންގެ ބަސް ނުހޯދާ ނިންމި ކަމަށް ސުޕްރީމް ކޯޓުން (2019/SC-A/04) ބާޠިލްކޮށް ހައިކޯޓަށް ތަހުވީލުކުރިއެވެ.
- ވާޤިޢާ
- މަރުޙޫމަކު ނިޔާވުމުގެ ކުރިން، އޭނާގެ ބަންޑާރަ ގޯތީގައިވާ ފިހާރަ ހުންގާނު ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވީ 4 އެއްބަސްވުމަކުންނެވެ (2010 ގެ އަޞްލު އެއްބަސްވުމާއި މުއްދަތު އިތުރުކުރި 3 އެއްބަސްވުން). 2015 ގައި އޭނާ ނިޔާވުމުން ތަރިކަ ބެހުމަށް ވާރިޘަކު މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މަރުވި މީހަކާއި ކުންފުންޏަކާ ދެމެދު ވެފައިވާ ފިހާރަ ކުއްޔަށް ދިނުމުގެ އެއްބަސްވުންތައް، ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައިވާ 60 ދުވަހުގެ ތެރޭގައި ދަޢުވާ ނުކުރުމުން ބާޠިލްވޭތޯއާއި، ތަރިކަ ބެހުމުގެ މައްސަލައެއްގެ ތެރެއިން، އެ ކުންފުނީގެ ބަސް ނުހޯދާ، އެއްބަސްވުންތައް ބާޠިލްކޮށް ކުލި ދެއްކުމަށް އަމުރުކުރެވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ހުންގާނުން ބުނީ މުޢާމަލާތަކީ ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނޫން، ހިނގަމުންދާ ކުލީގެ އެއްބަސްވުމެއް ކަމަށާއި، ވާރިޘުން ކުލި ނަގައިގެން އެއްބަސްވުން ދަމަހައްޓަން ޢަމަލުން އެއްބަސްވި ކަމަށާއި، އެޑްވާންސް ފައިސާ އުނިނުކޮށް ކުލި ދައްކަން އެންގީ ގޯސްކަމަށެވެ. ވާރިޘުން ބުނީ ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައިވާ 60 ދުވަހުގެ ތެރޭގައި ދަޢުވާ ނުކުރާތީ ދަޢުވާއެއް އުފުލޭނެ ޖާގައެއް ނެތްކަމަށާއި، ތަރިކަ ބެހި ބިންތައް ރަޖިސްޓްރީވެސް ކުރެވިފައިވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ކުލީގެ އެއްބަސްވުންތަކަކީ ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ ދާއިރާއަށް ފެތޭ ދަރަނި/ވަޞިއްޔަތުގެ މުޢާމަލާތެއް ނޫންކަމުން 60 ދުވަހުގެ މުއްދަތު ނުހިނގައެވެ (2018/SC-A/10 އަށް ތަބާވެ). އަދި ހުންގާނުގެ ބަސް ނުހޯދާ، ތަރިކަ ބެހުމުގެ މައްސަލައެއްގެ ތެރެއިން މާލީ އިލްތިޒާމު ކަނޑައެޅުމަކީ ޚިލާފު ކަމެކެވެ؛ އެ އެއްބަސްވުންތަކާ މެދު ޚިލާފެއް އޮތްނަމަ ވަކި މަދަނީ ދަޢުވާއެއްގައި ބަލަންވާނެއެވެ.
ނިންމުން
ބައެއް ބަދަލުކުރިތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ 132/Q10C/2016 ގެ ޙުކުމުގެ ބައެއް ބާޠިލުކުރި: ހުންގާނު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ 4 އެއްބަސްވުން ބާޠިލްކަމަށް ކަނޑައެޅި ބައާއި، 22 މަހުގެ ކުލި 330,000 ރުފިޔާ ދައްކަންޖެހޭކަމަށް ކަނޑައެޅި ބައި ބާޠިލު؛ އެއްބަސްވުންތަކާމެދު ޚިލާފެއް އޮތްނަމަ ދަޢުވާކުރުމުގެ ފުރުޞަތު ވާރިޘުންނަށް ލިބިގެންވޭ (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ސުޕްރީމް ކޯޓުން މައްސަލައެއް ހައިކޯޓަށް ތަހުވީލުކޮށްފައިވަނީ، އެ މައްސަލަ ހިންގައި ނިންމައިފައިވަނީ އިސްތިއުނާފުކުރެވުނު ކަންކަމާމެދު ބަސް ބުނުމުގެ ހައްޤު އޮތް ފަރާތްތަކަށް އެންގުމެއް ނެތި، އެފަރާތްތަކުގެ ބަހެއް ނުހޯދައި ކަމަށްވުމުން، އެ ފަރާތްތަކުގެ ހާޒިރުގައި މައުޟޫޢީ މައްސަލަ ހިންގުމަށްޓަކައި ނަމަ، ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަކީ އެ ފަރާތްތަކުގެ ބަސް ހޯދައި އިސްތިއުނާފާމެދު އަލުން ގޮތް ކަނޑައެޅުމެވެ.
HN2 ތަރިކައާބެހޭ ދައުވާގެ ގާނޫނުގެ ދަށުން މީހަކު މަރުވުމަށްފަހު 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ލާޒިމުކޮށްފައިވަނީ ދެ ބާވަތެއްގެ ދަޢުވާއެވެ. އެއީ، މަރްހޫމްގެ މައްޗަށް ދަރަންޏެއް ނުވަތަ އެފަދަ ކަމެއް އޮވެގެން ކުރެވޭ ދައުވާތަކާއި، މަރްހޫމް ކޮށްފައިވާ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއް އޮވެގެން އެފަދަ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއްގެ މަންފާ ލިބެނިވި ފަރާތަކުން އެ މަންފާއެއް ލިބިގަތުމަށް އެދި ކުރާ ދައުވާތަކެވެ.
HN3 ތަރިކައާބެހޭ ޤާނޫނުން ދައުވާކުރުމަށް މުއްދަތެއް ކަނޑައަޅާފައިވަނީ މަރްހޫމްގެ ޝަޚުސުގެ މައްޗަށް ކުރާ ދައުވާތަކަށެވެ. އެ ޤާނޫނުގެ އެއްވެސް ތަނެއްގައި މުދަލުގެ މައްޗަށް ކުރެވޭ ދައުވާއެއް ކުރުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައި ނުވާއިރު، ކޮންޓްރެކްޓެއްގެ ބައިވެރިއަކު މަރުވާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އެ ކޮންޓްރެކްޓު ތަންފީޒު ކުރުމަށް ކޯޓަކަށް ހުށަނާޅައިފި ނަމަ އެ ކޮންޓްރެކްޓު ބާތިލުވާނެ ކަމަށް ނުވަތަ ތަންފީޒު ނުކުރެވޭނެ ކަމަށް އެ ގާނޫނުގައި ބުނެފައެއް ނުވެއެވެ.
HN4 ވިޔަފާރީގެ ބާވަތެއްކަމުގައިވާ ކުލީގެ އެއްބަސްވުންތަކަކީ ދަރަނި ނަގައި އެ ދަރަނި އަނބުރާ ދެއްކުމާގުޅޭ އެއްބަސްވުންތަކެއް ނޫންކަމުންނާއި، މަރުޙޫމުގެ މައްޗަށް ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއް އޮވެގެން އެފަދަކަމެއްގެ މައްޗަށް ބިނާވެފައިވާ މުޢާމަލާތަކަށް ނުވާތީ، ތަރިކައިގެ ޤާނޫނުގައި ދަޢުވާކުރުމަށް އޮންނަ 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތު އެފަދަ އެއްބަސްވުންތަކަށް ނުހިނގައެވެ؛ އެހެންކަމުން، އެ މުއްދަތުގައި ދަޢުވާއެއް ކޮށްފައި ނުވުމުން އެ އެއްބަސްވުންތައް ބާޠިލުކަމަށް ކަނޑައެޅުމަކީ އެ އުޞޫލުތަކާ ޚިލާފު ކަމެކެވެ.
HN5 ތަރިކަ ބެހުމުގެ މައްސަލައެއްގެ ތެރެއިން، އެ މައްސަލައިގެ އަރިމަތިން އަދި މަރުޙޫމާއެކު ކުލީގެ އެއްބަސްވުން ހަދާފައިވާ ފަރާތުގެ ބަހެއް ހޯދުމަކާ ނުލައި، އެ އެއްބަސްވުންތައް ބާޠިލުކަމަށް ކަނޑައަޅައި އެ ފަރާތުގެ މައްޗަށް މާލީ އިލްތިޒާމްތަކެއް ކަނޑައެޅުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެކެވެ.
HN6 ވިޔަފާރީގެ މިފަދަ އެއްބަސްވުންތަކާމެދު ކޯޓުން ގޮތް ކަނޑައަޅަންވާނީ އެ އެއްބަސްވުންތަކާމެދު ޚިލާފު އުފެދިގެން ހުށަހަޅާ ދަޢުވާއެއްގައެވެ. އަދި ވަކިން ޚާއްޞަކޮށް ދައުވާކުރާ ފަރާތަށާއި ދަޢުވާލިބޭ ފަރާތަށާއި މަސްލަޙަތު ހިމެނޭ ފަރާތްތަކަށް އެފަރާތްތަކުގެ ޙައްޤާމެދު ޝަރީޢަތުގައި ބަސްބުނުމުގެ ފުރުޞަތުދީގެންނެވެ.
HN7 ވާރިޘުން ކުލީގެ އެއްބަސްވުންތައް ބާޠިލުކުރަން ބޭނުންނަމަ، ކުއްޔަށް ހިފި ފަރާތުގެ މައްޗަށް ރައްދުވާގޮތަށް މަދަނީ ދަޢުވާއެއް ކުރަންޖެހޭނެއެވެ. އަދި އެފަދައިން ކުރާ ދަޢުވާއެއްގައި މަސްލަޙަތު ހިމެނޭ ހުރިހާ ފަރާތްތަކަށް ޝަރީޢަތުގައި ބަސްބުނުމުގެ ފުރުޞަތު ދަށު ކޯޓުން ދޭންޖެހޭނެއެވެ. ހަމައެހެންމެ އެފަދައިން ކުރާ ދަޢުވާއެއްގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އިތުރުން ބިމާބެހޭ ޤާނޫނާއި، އެޤާނޫނުގެ ދަށުން ހެދިފައިވާ ޤަވާޢިދުތަކާއި، ކަމާގުޅޭ އެންމެހައި ޤާނޫނީ މަސްދަރުތަކާމެދު ބަހުސްކުރުމުގެ ފުރުޞަތު އޮންނަންވާނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- މުޙައްމަދު ފަރީދު، ޕްރައިމް ސްޓްރެޓަޖީ އެލްއެލްޕީ
- ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
- މުޙައްމަދު ސަޢީދު، މަރްޔަމް ޝަޒްނާ ޢަބްދުލްމުޙްސިން
- ބެންޗު
- މުޙައްމަދު ސަލީމް (ރިޔާސަތު)، ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ރިޔާސަތު
- މުޙައްމަދު ސަލީމް
- ރައުޔު ލިޔުނު ފަނޑިޔާރު
- މުޙައްމަދު ސަލީމް · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުލްމާނިޢު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ފަރާތްތަކާއި ކުޑަކުދިން ރައްކާތެރިކުރުމަށްޓަކައި މި ލިޔުމުން ބައެއް ނަންތަކާއި ތަފްޞީލު ފޮރުވާފައިވޭ.
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖެ
ޝަރީޢަތް ނިމުނުގޮތް
ޤަޟިއްޔާ ނަންބަރު: 2022/HC-A-02/3 (2020/HC-S-A-02/01)
އިސްތިއުނާފުކުރި ފަރާތް: ހުންގާނު ޕްރައިވެޓް ލިމިޓެޑް
އިސްތިއުނާފު ރައްދުވި ފަރާތްތައް: ޢާއިޝަތު އިޝާން އާއި އިތުރު 10 ފަރާތް
މައްސަލައިގެ ބާވަތް: ތަރިކަ
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު މުޙައްމަދު ސަލީމް
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ނިމުނު ތާރީޚް: 14 ޝަޢުބާން 1446 / 13 ފެބްރުވަރީ 2025
ރަޖިސްޓްރީކުރެވުނު ތާރީޚް: 18 މުޙައްރަމް 1444 / 16 އޮގަސްޓް 2022
އިސްތިއުނާފު ކުރެވުނު މައްސަލަ:
ނަންބަރު: 132/Q10C/2016
ނިންމި ތަން: ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ބާވަތް: ތަރިކަ
ހުށަހެޅުނު ތާރީޚް: 17 އެޕްރިލް 2016
ނިމުނު ތާރީޚް: 21 ނޮވެންބަރު 2017
އިސްތިއުނާފުކުރި ފަރާތް:
ހުންގާނު ޕްރައިވެޓް ލިމިޓެޑް
ތަމްސީލުކުރި ފަރާތް: މުޙައްމަދު ފަރީދު، ޕްރައިމް ސްޓްރެޓަޖީ އެލްއެލްޕީ
އިސްތިއުނާފު ރައްދުވި ފަރާތްތައް:
1ޢާއިޝަތު އިޝާން/ ގަހާކޯޅި ގދ. ތިނަދޫ
2މޫސާމަނިކުފާނު/ ގަހާކޯޅި ގދ. ތިނަދޫ
3ހައްވާ ޒާހިރާ/ ގަހާކޯޅި ގދ. ތިނަދޫ
4ފާޠިމަތު ހިންދު ޢަބްދުލްމުޙްސިން / ގަހާކޯޅި ގދ. ތިނަދޫ
5އާމިނަތު ހަވާއު/ ގަހާކޯޅި ގދ. ތިނަދޫ
6ހަނާ ޢަބްދުލްމުޙްސިން/ ގަހާކޯޅި ގދ. ތިނަދޫ
ތަމްސީލުކުރި ފަރާތް: މުޙައްމަދު ސަޢީދު، މީނާނީޒް
7މުނާ ޢަބްދުލްމުޙްސިން/ ގަހާކޯޅި ގދ.ތިނަދޫ
8މިލްޒާ ޢަބްދުލްމުޙްސިން /ގަހާކޯޅި ގދ. ތިނަދޫ
9މުޢުތަޞިމް ޢަބްދުލްމުޙްސިން /ގަހާކޯޅި ގދ.ތިނަދޫ
10 މަހާސީން ޢަބްދުލްމުޙްސިން /ގަހާކޯޅި ގދ.ތިނަދޫ
11މަރްޔަމް ޝަޒްނާ ޢަބްދުލްމުޙްސިން/ ގަހާކޯޅި ގދ.ތިނަދޫ
ތަމްސީލުކުރި ފަރާތް: މަރްޔަމް ޝަޒްނާ ޢަބްދުލްމުޙްސިން/ ގަހާކޯޅި ގދ.ތިނަދޫ
މަދަނީ- ތަރިކަ - 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު)- ތަރިކައިގެ ދަޢުވާގެ ދާއިރާ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު:
ތަޢާރުފު:
1ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި، ހުންގާނު ޕްރައިވެޓް ލިމިޓެޑް ގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނުގޮފީގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.
2ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނުގޮފީގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާއިން ބެލި މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށްބުނެ، ގދ. ތިނަދޫ/ ގަހާކޯޅި، ޢާއިޝަތު އިޝާން ގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/04 ޤަޟިއްޔާއިން އެ މައްސަލަ ބަލައި ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލުކުރިއެވެ.
3މިއީ، އެގޮތުގެ މަތިން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގެ އިސްތިއުނާފު އަލުން ބެލުމަށް އަންގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ތަހުވީލުކުރުމުން ހައިކޯޓުގެ ނަންބަރު 2022/HC-A-02/3 (2020/HC-S-A-02/01) ޤަޟިއްޔާއިން ބަލާފައިވާ މައްސަލައިގެ ނިޔާ އެވެ.
މައްސަލައިގެ ކަންހިނގި ގޮތް:
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާ
4ގދ. ތިނަދޫ ގަހާކޯޅި ގޯތީގެ ދެކުނުބައިގައި ހަދާފައިވާ '50'x50 ގެ ފިހާރަ ކުއްޔަށް ދިނުމާބެހޭގޮތުން 04 އެއްބަސްވުން ގދ. ތިނަދޫ / ގަހާކޯޅި، އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާ އާއި، ހުންގާނު ޕްރައިވެޓް ލިމިޓެޑާއި ދެމެދު، ވެފައިވެއެވެ.
5އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާ 30 ޑިސެންބަރު 2015 ގައި ނިޔާވެފައިވާތީ، އެ މަރުޙޫމުގެ ތަރިކައިގެ މައްސަލަ ހަމަޖައްސަވައި ދެއްވުން އެދި ވާރިޘުންކުރެ މަރުޙޫމުގެ އަންހެންދަރި ޑޮކްޓަރު މިލްޒާ ޢަބްދުލް މުޙުސިންގެ ފަރާތުން ހުވަދު އަތޮޅު އުތުރުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ މައްސަލަ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާއިން ބެލިއެވެ.
6އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާގެ ތަރިކަ ހަމަޖައްސައިދިނުމަށް އެދި ހުށަހެޅި އެ ޤަޟިއްޔާ އެކޯޓުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.
"ދެންފަހެ، އިސްވެދިޔަ ބަޔާންތަކާއި ފާހަގަކުރެވުނު ނުކުތާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ގދ. ތިނަދޫ ގަހާކޯޅި އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާ 30 ޑިސެމްބަރު 2015 ގައި ނިޔާވެފައިވާތީ، އޭނާގެ ތަރިކައިގެ މައްސަލަ ހަމަޖައްސަވައި ދެއްވުން އެދި ވާރިސުންކުރެ މަރުޙޫމުގެ އ. ދަރި ޑޮކްޓަރު މިލްޒާ ޢަބްދުލްމުޙުސިން ހުށަހެޅި މި މައްސަލައިގައި، ހުށަހެޅިފައިވާ ލިޔުންތަކާއި، ވާރިޘުންގެ ބަހާއި، އަދި ޝަރީޢަތަށް ޙާޟިރުކުރެވުނު ދެ ހެކީންގެ ހެކިބަހުގެ މައްޗަށް ބެލުމުން އަލްމަރުހޫމް ޢަބްދުލްމުޙުސިން މޫސާގެ ވާރިޘުންކަމަށް މިހާތަނަށް ޝަރީޢަތަށް ސާބިތުވާ ވާރިޘުންނަކީ، ނިޔާވިއިރު އިން އަނބި ޙައްވާ ޒާހިރާއާއި، 02 (ދޭއް) ފިރިހެން ދަރިންކަމަށްވާ މޫސާ މަނިކުފާނު އާއި މުޢުތަސިމް ޢަބްދުލް މުޙުސިން އާއި 08 (އަށެއް) އަންހެންދަރިން ކަމަށްވާ ޑރ. މިލްޒާ ޢަބްދުލްމުޙުސިން އާއި ޢާއިޝަތު އިޝާން އާއި، ފާތިމަތު ހިންދު ޢަބްދުލްމުޙުސިން އާއި ހަނާ ޢަބްދުލްމުޙުސިން އާއި އާމިނަތު ހަވާއު އާއި މުނާ ޢަބްދުލްމުޙުސިންއާއި، މަޙާސިން ޢަބްދުލްމުޙުސިންއާއި މަރްޔަމް ޝަޒުނާ ޢަބްދުލްމުޙުސިންއާއިއެކު ޖުމްލަ 11 (އެގާރަ) ވާރިޘުންކަމާއި، މުވައްރިޘު ދޫކުރި ތަރިކަކަމުގައި ހުށަހެޅުނު ލިޔުންތަކުންނާއި ވާރިޘުންގެ ބަހުން ސާބިތުވާ ތަކެއްޗަކީ، ގދ. ތިނަދޫ ގަހާކޯޅި ކިޔާ 5000 (ފަސް ހާސް) އަކަފޫޓުގެ ބަންޑާރަ ގޯތީގައިވާ އެންމެހައި އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެއްޗާއި، ގދ. ތިނަދޫ ގަހާކޯޅި އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާ ހުންގާނު ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ ފިހާރައިގެ ކުލީގެ ގޮތުގައި ހުންގާނު ޕްރައިވެޓް ލިމިޓެޑުން ގދ. ތިނަދޫ ގަހާކޯޅި ޢަބްދުލްމުޙުސިން މޫސާ ނިޔާވި ތާރީޚުން (30 ޑިސެމްބަރ 2015 އިން) ފެށިގެން 2017 އޮކްޓޯބަރު މަހުގެ ނިޔަލަށް ހޭދަވި 22 (ބާވީސް) މަސްދުވަހުގެ ކުއްޔަށް އެއްބަސްވުމުގައިވާ ގޮތުގެ މަތިން ދޭންޖެހޭ -/330,000 (ތިންލައްކަ ތިރީސް ހާސް) ރުފިޔާއާއި، ގދ. ތިނަދޫ ގަހާކޯޅި ޢަބްދުލް މުޙުސިން މޫސާގެ ނަމުގައި ގދ. ތިނަދޫ ގަހާކޯޅި ގެސްޓް ހައުސްގެ ކުލީގެ ގޮތުގައި ކަލަރސް ގްރޫޕް ޕްރައިވެޓް ލިމިޓެޑުން ގދ. ތިނަދޫ ގަހާކޯޅި ޢަބްދުލްމުޙުސިން މޫސާ ނިޔާވި ތާރީޚުން (30 ޑިސެމްބަރ 2015 އިން) ފެށިގެން 2017 އޮކްޓޯބަރު މަހުގެ ނިޔަލަށް ހޭދަވި 22 (ބާވީސް) މަސްދުވަހުގެ ކުއްޔަށް، އެއްބަސްވުމުގައިވާގޮތުގެ މަތިން ދައްކަންޖެހޭ -/132,000 (އެއްލައްކަ ބައްތިރީސް ހާސް) ރުފިޔާއާއި، ބޭންކް އޮފް މޯލްޑިވްސް ޕލކ ގައި އޮންނަ އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާގެ ނަންބަރު 7704250809001 އެކައުންޓު ބަންދުކުރުމަށް 25 (ފަންސަވީސް) ރުފިޔާ ކެނޑުމަށް ފަހު ބާކީ ހުރި 13/30ރ (ތޭރަ ރުފިޔާ/ތިރީސް ލާރި)އާއި އެކު ޖުމްލަ 462,013/30ރ. (ހަތަރު ލައްކަ ފަސްދޮޅަސް ދެހާސް ތޭރަ ރުފިޔާ/ ތިރީސް ލާރި) ކަމާއި، ޢަބްދުލް މުޙުސިން މޫސާގެ މައްޗަށް ޤާނޫނު ނަންބަރު 25/75 (ތަރިކައިގެ ދަޢުވާގެ ޤާނޫނު)ގައިވާ މުއްދަތުގައި އެއްވެސް ފަރާތަކުން ދަޢުވާއެއް އަދި ޝަކުވާއެއް ކޮށްފައިނުވުމުން، މިފައިސާ، 462,013/30ރ. (ހަތަރު ލައްކަ ފަސްދޮޅަސް ދެހާސް ތޭރަ ރުފިޔާ ތިރީސް ލާރި) އަކީ އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާގެ ތަރިކައިވާ ފައިސާ ކަމާއި، މިތަރިކަ ވާރިޘުންގެ މެދުގައި ފަރާއިޟުގެ އުޞޫލުން (ތަރިކައިގެ އުޞޫލުން) ބެހުމުން، އަނބި ޙައްވާ ޒާހިރާއަށް ލިބެނީ (\frac{1}{8}އަށް) \frac{12}{96} (ނުވަދިހަ ހައެއް ބައިކުޅަ ބާރަ) ބައިކަމާއި 2 (ދޭއް) ފިރިހެން ދަރިންކުރެ ކޮންމެ ފިރިހެން ދަރިއަކަށް ލިބޭނީ \frac{14}{96} (ނުވަދިހަ ހައެއް ބައިކުޅަ ސާދަ) ބައިކަމާއި، 8 (އަށެއް) އަންހެން ދަރިންކުރެ ކޮންމެ ދަރިއަކަށް ލިބޭނީ \frac{7}{96} (ނުވަދިހަ ހައެއް ބައިކުޅަ ހަތެއް) ކަމަށް ކަނޑައަޅައި، މިތަރިކައިގެ ތެރެއިން ވާރިޘުންނަށް ބެހުމަށްޓަކައި ކޯޓަށް ޖަމާވެފައިހުރީ، އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާގެ ތަރިކައިގެ ހިމެނޭ ފައިސާގެ ތެރެއިން ހުންގާނު ޕްރައިވެޓް ލިމިޓެޑުން ފިހާރައިގެ ކުލީގެ ގޮތުގައި ދޭންޖެހޭ -/330,000 (ތިންލައްކަ ތިރީސް ހާސް ރުފިޔާ) ގެ ތެރެއިން -/154000 (އެއްލައްކަ ފަންސާސް ހަތަރުހާސް) ރުފިޔާއާއި، ކަލާސް ގްރޫޕުން ހިންގާ ގެސްޓުހައުސްގެ ކުލީގެ ގޮތުގައި އެ ކުންފުނިން ދޭންޖެހޭ -/132,000 (އެއްލައްކަ ތިރީސް ދެހާސް) ރުފިޔާގެ ތެރެއިން ޖަމާކުރި -/126,000 (އެއްލައްކަ ސައްބީސް ހާސް) ރުފިޔާއާއި އަލްމަރުޙޫމު ޢަބްދުލް މުޙުސިން މޫސާގެ ބޭންކް އެކައުންޓުގައި ހުރި 13/30ރ. (ތޭރަ ރުފިޔާ ތިރީސް ލާރި) އާއި އެކު ޖުމްލަ 280,013/30ރ. (ދެލައްކަ އަށްޑިހަހާސް ތޭރަ ރުފިޔާ/ ތިރީސް ލާރި) ކަމަށްވުމުން މިފައިސާ ވާރިޘުންނަށް ބައިލިބިފައިވާ ގޮތުގެމަތިން ބެހުމުން ހުވަފަތް އަނބި ޙައްވާ ޒާހިރާއަށް 12/96 ބަޔަށް ލިބޭ 35001/66ރ. (ތިރީސް ފަސްހާސް އެއް ރުފިޔާ ފަސްދޮޅަސް ހަލާރި) އާއި، މި ތަރިކައިގައި މި ކޯޓަށް ޖަމާވެފައިވާ 280,013/30ރ. (ދެލައްކަ އަށްޑިހާސް ތޭރަ ރުފިޔާ ތިރީސް ލާރި) ފަރާއިޟުގެ އުޞޫލުން ބެހުމުން އިތުރުވާ 06/- (ހައެއް) ލާރި، ހުރިހާ ވާރިޘުން އަނބި ޙައްވާ ޒާހިރާއަށް ހަދިޔާކުރުމުން، އަނބި ޙައްވާ ޒާހިރާއަށް ލިބޭ ބަޔާއި ވާރިޘުން ހަދިޔާކުރި 06/- (ހައެއް) ލާރި އާއެކު ޖުމްލަ 35,001/72ރ. (ތިރީސް ފަސްހާސް އެއް ރުފިޔާ ހަތްދިހަ ދެ ލާރި) ކަމާއި، 02 ފ. ދަރިން ކަމުގައިވާ މޫސާ މަނިކުފާނާއި މުޢުތަސިމް ޢަބްދުލްމުޙުސިންއާއި ދެމީހުންކުރެ ކޮންމެ މީހަކަށް ލިބޭނީ 14/96 ބަޔަށް ޖެހުނު 40835/27ރ. (ސާޅީސް ހާސް އަށްސަތޭކަ ތިރީސް ފަސްރުފިޔާ /ހަތަވީސް ލާރި) ކަމާއި، 08 އަންހެން ދަރިން ކަމުގައިވާ ޑރ. މިލްޒާ ޢަބްދުލްމުޙުސިން އާއި ޢާއިޝަތު އިޝާން އާއި، ފާތިމަތު ހިންދު ޢަބްދުލްމުޙުސިން އާއި ހަނާ ޢަބްދުލްމުޙުސިން އާއި އާމިނަތު ހަވާއު އާއި މުނާ ޢަބްދުލް މުޙުސިންއާއި، މަޙާސިން ޢަބްދުލް މުޙުސިންއާއި މަރްޔަމް ޝަޒްނާ ޢަބްދުލް މުޙުސިންއާއިއެކު 08 ވާރިޘުން ކުރެ ކޮންމެ ވާރިޘަކަށް 7/96 ބަޔަށްވާ 20,417/63ރ (ވިހިހާސް ހަތަރުސަތޭކަ ސަތާރަ ރުފިޔާ ފަސްދޮޅަސް ތިންލާރި) ކަމާއި އަދި ހުންގާނު ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ކޯޓަށް ޖަމާނުކޮށްހުރި -/176,000 (އެއްލައްކަ ހަތްދިހަ ހަހާސް) ރުފިޔާ އާއި، ކަލާރސް ގްރޫޕް ޕްރައިވެޓްލިމިޓެޑުން ދައްކަންޖެހޭ ފައިސާގެ ތެރެއިން ކޯޓަށް ޖަމާނުކޮށް ހުރި -/6000 (ހަހާސް) ރުފިޔާއާއި، އެކު ޖުމްލަ -/182000 (އެއްލައްކަ އަށްޑިހަ ދެހާސް) ރުފިޔާ ތަރިކައިގެ އުޞޫލުން ބެހުމުން އަނބި ޙައްވާ ޒާހިރާއަށް (1/8އަށް) 12/96 ބަޔަށް ލިބެނީ -/22750 (ބާވީސްހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާކަމާއި، 02 ފިރިހެން ދަރިންކުރެ ކޮންމެ ދަރިއަކަށް 14/96 ބަޔަށް ލިބެނީ 26,541/67ރ (ސައްބީސްހާސް ފަސްސަތޭކަ ސާޅީސް އެއްރުފިޔާ/ ފަސްދޮޅަސް ހަތް ލާރި) ކަމާއި، 08 އަންހެން ދަރިންކުރެ ކޮންމެ ދަރިއަކަށް 7/96 ބަޔަށް ލިބެނީ 13270/83ރ. (ތޭރަހާސް ދުއިސައްތަ ހަތްދިހަ ރުފިޔާ އަށްޑިހަ ތިންލާރި)ކަމާއި، އަދި މި -/182000 (އެއްލައްކަ އަށްޑިހަ ދެހާސް) ރުފިޔާ ފަރާއިޟުގެ އުޞޫލުން ބެހުމުން އިތުރުވާ 02/- (ދޭއް) ލާރި، މިތަރިކައިގެ ވާރިޘުން އަނބި ޙައްވާ ޒާހިރާއަށް ހަދިޔާކުރުމުން އަނބި ޙައްވާ ޒާހިރާއަށް ލިބޭ -/22750 (ބާވީސް ހާސް ހަތްސަތޭކަ ފަންސާސް) ރުފިޔާ ޖުމްލަ 22750/02ރ. (ބާވީސް ހާސް ހަތްސަތޭކަ ފަންސާސް ރުފިޔާ ދެ ލާރި) އަނބި ޙައްވާ ޒާހިރާއަށް ލިބެން ޖެހޭކަމުން މި މައްސަލަ ނިމޭ ތާރީޚުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ވާރިޘުންނާއި ޙަވާލުކުރުމަށްޓަކައި، ބުނެވިދިޔަ ފައިސާ މިކޯޓަށް ދެއްކުމަށް ހުންގާނު ޕްރައިވެޓް ލިމިޓެޑާއި، ކަލަރސް ގްރޫޕް ޕްރައިވެޓް ލިމިޓެޑަށް އަންގައި، މި ތަރިކައިގައި ހިމެނޭ ގދ. ތިނަދޫ ގަހާކޯޅިއެވެ ކިޔާ '100'×50 (5000 އަކަފޫޓު) ބަންޑާރަ ގޯތީގެ ބިން ބައިކުރަން ވާރިޘުން އެދިފައިވާ ގޮތުގެ މަތިން، މި ގޯތީގެ ދެކުނު އިމުން ފެށިގެން އުތުރަށް އޮތް ބައި '50'×50 (ހުންގާނު ފިހާރަ ހުރި ބައި)ގެ ތެރޭގައި ހިމެނޭ އެންމެހާ އިމާރާތްތަކާއި ތަންތަނާއި ތަކެތި އަގުމަގުކޮށް އުނިއިތުރު ހަމަޖެއްސުމަކާއި ނުލައި ވާރިޘުންގެ ތެރެއިން މޫސާ މަނިކުފާނުއާއި ޢާއިޝަތު އިޝާންއާއި، ޙަނާ ޢަބްދުލްމުޙުސިންއާއި، ފާތިމަތު ހިންދު ޢަބްދުލްމުޙުސިންއާއި އާމިނަތު ހަވާއާއި، ޙައްވާ ޒާހިރާއާއި މި 06 ވާރިޘުންނަށް ހަމަޖައްސާ މިބަޔާއި ޖެހިގެން އުތުރަށް އޮތްބައި '50'×40 (ގަހާކޯޅި ގެސްޓް ހައުސް ހިމެނޭ ބައި)ގެ ތެރޭގައި ހިމެނޭ އިމާރާތްތަކާއި ވަޅުފަދަ ތަންތަނާއި ތަކެތި އަގުމަގުކޮށް އުނިއިތުރު ހަމަޖެއްސުމަކާނުލައި ވާރިޘުންގެ ތެރެއިން މުނާ ޢަބްދުލް މުޙުސިންއާއި، މިލްޒާ ޢަބްދުލްމުޙުސިންއާއި، މުޢުތަސިމް ޢަބްދުލްމުޙުސިންއާއި، މަޙާސީން ޢަބްދުލްމުޙުސިންއާއި، މި 04 ވާރިޘުނަށް ހަމަ ޖައްސައި، އަދި މިގޯތީގެ އެންމެ އުތުރަށްއޮތް ބައި '50'×10ގެ ތެރޭގައި ހިމެނޭ އެއްމެހައި ތަންތަނާއި ތަކެތި އަގުމަގުކޮށް އުނިއިތުރު ހަމަޖެއްސުމަކާއި ނުލައި ވާރިޘުންކުރެ ޝަޒުނާ ޢަބްދުލްމުޙުސިންއަށް ހަމަޖައްސައި، މިއީ ބުނެވިދިޔަ ގޮތުގެމަތިން ގދ. ތިނަދޫ ގަހާކޯޅި އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާގެ ތަރިކައިން ވާރިޘުންނަށް މިލްކުވެފައިވާ ތަންތަނާއި ތަކެތިކަމަށާއި ބަޔާންވެދިޔަ ގޮތުގެމަތިން ގދ.ތިނަދޫ ގަހާކޯޅި ނަމަކަށް ކިޔުނު ބަންޑާރަ ގޯތީގެ ބިން އެ ބިމެއްގައިވާ މުދާ މިލްކުވެގެންވާ ފަރާތް ކަމަށް ބަޔާންކޮށްފައިވާ ފަރާތާއި ޙަވާލުކުރުމަށް ކަމާއިބެހޭ ދަޢުލަތުގެ ދަޢުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރުކޮށް ޤާނޫނު ނަންބަރު 25/75 (ތަރިކައާއިބެހޭ ދަޢުވާގެ ޤާނޫނު) ބަޔާންކޮށްފައިވާ މުއްދަތުގައި ދަޢުވާއެއްކޮށްފައި ނުވުމުން، އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާއާއި، ހުންގާނު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ 04 (ހަތަރެއް)އެއްބަސްވުމާއި، އަދި ކަލަރސް ގްރޫޕް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ހަދާފައިވާ އެއްބަސްވުންތަކަކީ ބާޠިލް އެއްބަސްވުންތަކެއް ކަމަށް ޙުކުމްކޮށް މި ޤަޟިއްޔާ ނިންމީއެވެ."
7ބުނެވުނު ޤަޟިއްޔާ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމާފައިވަނީ ހުންގާނު ޕްރައިވެޓް ލިމިޓެޑްގެ ބަހެއް ހޯދުމަކާއި ނުލައެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނުގޮފީގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާ:
8ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި، ހުންގާނު ޕްރައިވެޓް ލިމިޓެޑާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުންގާނު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ޑރ. މިލްޒާ ޢަބްދުލްމުޙްސިން އަށް ރައްދުވާ ގޮތަށް ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނުގޮފީން ބެލި މައްސަލާގައި އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ހުށަހަޅާފައިވަނީ އަންނަނިވި ތިން ނުކުތާއެވެ.
8.1 ހުންގާނު ޕްރައިވެޓް ލިމިޓެޑާއި އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާ އާއި ދެމެދު ކޮށްފައިވާ މުޢާމަލާތަކީ، އެއްވެސް ޙާލަތެއްގައި ދަރައްޏެއް ނުވަތަ ވަޞިއްޔަތެއްކަމުގައި ނުހިމެނޭ ކަމަށާއި، އެހެނީ މަރުޙޫމު ނިޔާވުމާއި ހަމަޔަށް، އެއްވެސް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނެތި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އަދި ހިނގަމުން އަންނަ މުޢާމަލާތްތަކެއްކަމަށް؛
8.2 އަލްމަރްޙޫމް ޢަބްދުލްމުޙުސިންގެ ވާރިޘުން، އަލްމަރްޙޫމް ޢަބްދުލްމުޙުސިން ނިޔާވިފަހުން 22 މަސްދުވަސް ވަންދެން، ކުލި ނަގާފައިވުމުން، އެ ފަރާތުން އެ އެއްބަސްވުން ދަމަހައްޓަން ޢަމަލުން އެއްބަސްވެފައިވާކަމަށް ބެލެވެން އޮތްކަމަށް؛
8.3 ދެ ފަރާތު ދެމެދުގައިވެފައިވާ އެއްބަސްވުމުގައި އެޑްވާންސްކޮށް ނަގާފައިވާ ފައިސާ ކުލިން އުނިކުރާގޮތަށް އެއްބަސްވެފައި އޮތްކަން ސާފުކޮށް އެނގެން އޮތްއިރުވެސް އެޑްވާންސް ފައިސާ އުނިނުކޮށް ކުލި ދައްކަން އަންގާފައިވާކަމަށް؛
9ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުންގާނު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހެޅުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނުގޮފީގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާއިން ބަލައި ނިންމީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމުގައި ގދ. ތިނަދޫ / ގަހާކޯޅި، ޢަބްދުލްމުޙުސިން މޫސާ ހުންގާނު ޕްރައިވެޓް ލިމިޓެޑަށް ކުށްޔަށް ދީފައިވާ ފިހާރައިގެ ކުލީގެ ގޮތުގައި -/330,000ރ. (ތިންލައްކަ ތިރީސް ހާސް) ރުފިޔާ ދައްކަންޖެހޭކަމަށް ކަނޑައަޅާފައިވާ ބަޔާއި ޢަބްދުލްމުޙުސިން މޫސާއާއި ހުންގާނު ޕްރައިވެޓް ލިމިޓެޑާއި ދެމެދު ވެފައިވާ 4 އެއްބަސްވުން ބާޠިލުކަމަށް އެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ބައި ބާޠިލްކަމަށް ކަނޑައަޅައެވެ.
10މި ޤަޟިއްޔާ ހިންގައި ނިންމާފައިވަނީ އެ މައްސަލައިގެ އަޑުއެހުންތަކަށް ދަޢުވާ ރައްދުވާ ޑރ. މިލްޒާ ޢަބްދުލްމުޙުސިން ޙާޟިރުވެފައި ނުވާތީ އޭނާގެ ޣައިރު ޙާޟިރުގައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/04 ޤަޟިއްޔާ:
11ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނުގޮފީގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާގެ ވާރިސުންކުރެ މަރުޙޫމުގެ އަންހެންދަރި ޢާއިޝަތު އިޝާންގެ ފަރާތުން ހުންގާނު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
12ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/04 ޤަޟިއްޔާއިން އެމައްސަލަ ބަލައި އެކޯޓުން ނިންމީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނުގޮފީގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލު ކުރުމާއެކު، ޤާނޫނު ނަންބަރު 22/2010 ( ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، މިމައްސަލައަކީ އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުންގެ ތެރެއިން މި ކަމުގައި ބަހެއް ބުނުމުގެ ޙައްޤު އޮތް ފަރާތްތަކުގެ ހާޒިރުގައި މައުޟޫޢީ ގޮތުން އަލުން ބަލަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅައި، އެމައްސަލަ ހައިކޯޓަށް ތަހުވީލުކުރުމަށެވެ.
13މި ޤަޟިއްޔާގައި ބެލިފައިވާ މައްސަލައަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/04 ޤަޟިއްޔާއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނުގޮފީގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާ އަލުން ބެލުމަށް ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމުން މިކޯޓުން ބެލެވުނު މައްސަލައެވެ.
ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި ހުންގާނު ޕްރައިވެޓް ލިމިޓެޑާ ގުޅޭގޮތުން ނިންމާފައިވާކަންކަން:
14މިއިސްތިއުނާފުގެ ދާއިރާގެ ތެރެއިން ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާއަށް ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.
14.1 ޢަބްދުލްމުޙުސިން މޫސާގެ ތަރިކައާ ގުޅޭ ގޮތުން ބަލާފައިވާ އެޤަޟިއްޔާގައި، ތަރިކައިގެ ގޮތުގައި ޢަބްދުލްމުޙުސިން މޫސާގެ ވާރިޘުން މެދުގައި ބަހަން ހުށަހެޅިފައިވާ ގދ. ތިނަދޫ ގަހާކޯޅިއެވެ ކިޔުނު ގޯތި ވާރިޘުން އެއްބަސްވިގޮތަށް ބަހާދީފައިވާއިރު، އެގޯތީގައި ހުންގާނު ޕްރައިވެޓް ލިމިޓެޑުން ހިންގާ "ހުންގާނު" ފިހާރަ ހުންނަ ބައި ލިބިފައިވަނީ ވާރިޘުންކުރެ ހައްވާ ޒާހިރާ އާއި މޫސާމަނިކުފާނު އާއި ފާޠިމަތު ހިންދު ޢަބްދުލްމުޙްސިން އާއި އާމިނަތު ހަވާއު އާއި ޢާއިޝަތު އިޝާން އަދި ހަނާ ޢަބްދުލްމުޙްސިން، މި 6 (ހައެއް) ވާރިސުންނަށެވެ.
14.2 ޤާނޫނު ނަންބަރު 25/75 (ތަރިކައާއިބެހޭ ދަޢުވާގެ ޤާނޫނު) ބަޔާންކޮށްފައިވާ މުއްދަތުގައި ދަޢުވާއެއްކޮށްފައި ނުވުމުން، އަލްމަރުޙޫމު ޢަބްދުލްމުޙުސިން މޫސާއާއި، ހުންގާނު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ 04 އެއްބަސްވުމަކީ ބާޠިލް އެއްބަސްވުންތަކެއްކަމަށް ކަނޑައަޅާފައިވެއެވެ.
14.3 ހުންގާނު ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ ފިހާރައިގެ ކުލީގެ ގޮތުގައި ހުންގާނު ޕްރައިވެޓް ލިމިޓެޑުން އަލްމަރުޙޫމް ޢަބްދުލްމުޙްސިން މޫސާ ނިޔާވި ތާރީޚަށް (30 ޑިސެންބަރު 2015) ފެށިގެން 2017 އޮކްޓޫބަރު މަހުގެ ނިޔަލަށް ހޭދަވި 22 (ބާވީސް) މަސް ދުވަހަށް ފިހާރައިގެ ކުލީގެ ގޮތުގައި -/330,000ރ. (ތިންލައްކަ ތިރީސްހާސް) ލިބެންޖެހޭކަމަށާއި، މި މުއްދަތުގެ ތެރޭގައި ހުންގާނު ޕްރައިވެޓް ލިމިޓެޑުން -/154,000ރ. ( އެއްލައްކަ ފަންސާސް ހަތަރުހާސް) ރުފިޔާ އަލްމަރުޙޫމް ޢަބްދުލްމުޙްސިން މޫސާގެ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށާއި، މި މުއްދަތަށް ޖަމާކުރަންޖެހޭ ކުލީގެ ތެރެއިން -/176,000ރ. (އެއްލައްކަ ހަތްދިހަ ހަހާސް ރުފިޔާ) ހުންގާނު ޕްރައިވެޓް ލިމިޓެޑަށް ނުދައްދައްކައިވާ ކަމަށް ފާހަގަކޮށްފައިވެއެއެވެ.
14.4 ހުންގާނު ޕްރައިވެޓް ލިމިޓެޑުން ނުދައްކާވާ -/176,000ރ. (އެއްލައްކަ ހަތްދިހަ ހަހާސް ރުފިޔާ) ތަރިކައިގެ އުޞޫލުން ވާރިޘުންނަށް ބަހައި ޖެހޭ މިންވަރު ވެސް ކަނޑައަޅާފައިވެއެވެ.
މައްސަލައިގައި ހިމެނޭ ޙަސްމުންގެ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާޞާ:
އިސްތިއުނާފުކުރި ފަރާތުން ދެއްކި ވާހަކަ:
15އިސްތިއުނާފުކުރި ފަރާތުން މި އިސްތިއުނާފާ ގުޅިގެން ހައިކޯޓުގައި ދެއްކި ވާހަކަތަކުގައި ޖުމްލަކޮށް ބުނެފައިވަނީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގައި މީގެ ކުރިން ބެލި ޤަޟިއްޔާގައި އިސްތިއުނާފީ ނުކުތާތަކުގައި ހުރި ވާހަކަތައް މިމައްސަލައިގައި ވެސް ރިޕީޓްކުރާކަމަށެވެ.
16މި މައްސަލައަކީ ދަރަންޏެއް، ވަޞިއްޔަތެއް އޮވެގެން ހުށަހެޅިފައި އޮތް މައްސަލައެއް ނޫން ކަމަށެވެ. މި މައްސަލައަކީ ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގައި ގައި ބުނާ މުއްދަތުގެ ތެރޭގައި ދަޢުވާކުރަންޖެހޭ މައްސަލައެއް ކަމަށް ނުދެކޭކަމަށް ފާހަގަކުރަމުން ބުނެފައިވަނީ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުމަށް ބަލާއިރު ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި މައްސަލައިގެ މަޢުޟޫގައި ހިމެނޭ ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެއްވެސް ނުކުތާއެއް ގޯސް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ނުވާކަމަށެވެ. މިމައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ މައްސަލައިގެ މަޢުޟޫޢުގެ ތެރޭގައި ދެކެވިފައިހުރި ވާހަކަތަކުގެ އެއްވެސް ޤާނޫނީ ބުރަދަނެއް، އަސާސެއް ނުވަތަ ޤާނޫނީ ނުކުތާއެއް ބާޠިލްކޮށްފައި ނުވާތީ އެ ނިންމުމުގައި ހުރި ހުރިހާ ކަމެއް އަލުން މި މައްސަލައިގެ ތެރޭގައި ބަލައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރިން ވެސް ނިންމާފައިވާ ފަދައިން މި މައްސަލައިގައި ގޮތެއް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.
އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާގެ ވާރިޘުންގެ ބަސް:
17ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާއިން އެނގޭ ގޮތުގައި އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާގެ ވާރިސުންނަކީ؛
1. ޙައްވާ ޒާހިރާ، ގަހާކޯޅި
2. މުނާ ޢަބްދުލްމުޙްސިން، ގަހާކޯޅި
3. ޑރ. މިލްޒާ ޢަބްދުލްމުޙްސިން، ގަހާކޯޅި
4. މުޢުތަޞިމް ޢަބްދުލްމުޙްސިން، ގަހާކޯޅި
5. މަރްޔަމް ޝަޒްނާ ޢަބްދުލްމުޙުސިން، ގަހާކޯޅި
6. މަހާސީން ޢަބްދުލްމުޙްސިން، ގަހާކޯޅި
7. މޫސާމަނިކުފާނު، ގަހާކޯޅި
8. ފާޠިމަތު ހިންދު ޢަބްދުލްމުޙްސިން، ގަހާކޯޅި
9. އާމިނަތު ހަވާއު، ގަހާކޯޅި
10. ޢާއިޝަތު އިޝާން، ގަހާކޯޅި
11. ހަނާ ޢަބްދުލްމުޙްސިން، ގަހާކޯޅި
18މި ބަޔާންކުރެވުނު ވާރިޘުންގެ ތެރެއިން، ޙައްވާ ޒާހިރާ އާއި މޫސާމަނިކުފާނު އާއި ފާޠިމަތު ހިންދު ޢަބްދުލްމުޙްސިން އާއި އާމިނަތު ހަވާއު އާއި ޢާއިޝަތު އިޝާން އަދި ހަނާ ޢަބްދުލްމުޙްސިންގެ ފަރާތުން މިއިސްތިއުނާފާ ގުޅިގެން ހައިކޯޓުގައި ބުނެފައިވަނީ، ޢަބްދުލްމުޙުސިން މޫސާގެ ނިޔާވުމާ ގުޅިގެން، ޤާނޫނުގެ ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު)ގައި ބަޔާންކުރާ 60 ދުވަސް ތެރޭގައި ކޯޓުގައި ދަޢުވާ ކޮށްފައި ނުވާތީ މިހާރު ހުންގާނު ޕްރައިވެޓް ލިމިޓެޑުން ޢަބްދުލްމުޙްސިން މޫސާގެ ވާރިޘުންގެ މައްޗަށް ދަޢުވާއެއްކޮށް ޝަކުވާއެއް އުފުލާނެ ޖާގައެއް އޮތްކަމަށް ނުދެކޭކަމަށާއި، އެހެންކަމުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއިދުކޮށް ހައިކޯޓުން މައްސަލަ ނިންމައި ދިނުމަށް އެދޭކަމަށެވެ.
19އަދި މުނާ ޢަބްދުލްމުޙްސިން އާއި ޑރ. މިލްޒާ ޢަބްދުލްމުޙްސިން އާއި މުޢުތަޞިމް ޢަބްދުލްމުޙްސިން އާއި މަހާސީން ޢަބްދުލްމުޙްސިން އާއި މަރްޔަމް ޝަޒްނާ ޢަބްދުލްމުޙްސިންގެ ފަރާތުން ވެސް ދެއްކި ވާހަކަތަކުގައި ބުނެފައިވަނީ، ޢަބްދުލްމުޙުސިން މޫސާ ނިޔައުވުމާ ގުޅިގެން ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮތްތޯ ބެލުމަށް އިޢުލާން ވެސް ކުރި ކަމަށާއި ދަރަންޏެއް އޮވެގެން ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން ދަޢުވާކޮށްފައި ނުވާކަމަށާއި، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި އެއްބަސްވުންތައް ބާޠިލްކަމަށް ކަނޑައަޅައިފައިވާ ކަމަށެވެ. އަދި މިހާރު ތަރިކަ މުދާ 11 މީހުންގެ މެދުގައި މަޝްވަރާކޮށް ދެ ބަޔަށް ބަހައި ބިންތައް މިހާރު ރަޖިސްޓްރީ ވެސް ކޮށް ނިންމާފައިވާ ކަމަށް ވެސް ފާހަގަކުރަމުން އެފަރާތުން ބުނެފައިވަނީ، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި ކޮށްފައިވާ ކޮށްފައިވާ ޙުކުމް ރަނގަޅުކަމަށް ދެކޭކަމަށާއި، އެ ޙުކުމަށް ބަދަލުގެންނަން ނުޖެހޭކަމަށް ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ.
ޝަރީޢަތުން ފާހަގަކުރާކަންކަން:
20HN1ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނުގޮފީގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާ އަލުން ބެލުމަށް ހައިކޯޓަށް ތަހުވީލުކޮށްފައިވަނީ، އެ މައްސަލަ ހިންގައި މައްސަލަ ނިންމައިފައިވަނީ އިސްތިއުނާފުކުރެވުނު ކަންކަމާމެދު ބަސް ބުނުމުގެ ހައްޤު އޮތް ފަރާތްތަކަށް އެންގުމެއް ނެތި، އެފަރާތްތަކުގެ ބަހެއް ނުހޯދައި ކަމަށްވުމުން، އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުންގެ ތެރެއިން މި ކަމުގައި ބަހެއް ބުނުމުގެ ޙައްޤު އޮތް ފަރާތްތަކުގެ ހާޒިރުގައި މައުޟޫޢީ މައްސަލަ ހިންގުމަށްޓަކައިކަން، ސުޕްރީމް ކޯޓުން ނަންބަރު 2019/SC-A/04 ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމުން އެނގެއެވެ.
21އެހެންކަމުން، މި މައްސަލައިގައި ޝަރީޢަތުން ގޮތެއް ކަނޑައަޅަންޖެހޭ ކަމަކީ ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް އެދި ހުންގާނު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ މި އިސްތިއުނާފާ ގުޅިގެން އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުންގެ ބަސް ހޯދައި މި އިސްތިއުނާފާމެދު އަލުން ގޮތް ކަނޑައެޅުމެވެ.
22މި މައްސަލައިގެ މިއިސްތިއުނާފީ ނުކުތާ ތަކަށް ބަލާއިރު، މި އިސްތިއުނާފު މައިގަނޑު ބިނާކޮށްފައިވަނީ، ހުންގާނު ޕްރައިވެޓް ލިމިޓެޑާއި އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާއާ ދެމެދު ވެފައިވާ އެއްބަސްވުން ބާޠިލް ކަމަށް ދަށު ކޯޓުން ނިންމި ނިންމުމުގެ ސައްޙަކަމާ ގުޅޭގޮތުން އުފައްދާފައިވާ ސުވާލާއި އަދި އެއްބަސްވުމުގައި ބަޔާންކުރާ އެޑްވާންސް ފައިސާ އުނިނުކޮށް ކުލި ދެއްކުމަށް އަންގާފައިވުމާ ގުޅޭގޮތުން އުފައްދާފައިވާ ބަހުޘްގެ މައްޗަށެވެ.
23މި އިސްތިއުނާފާ ގުޅިގެން އަލްމަރްޙޫމް ޢަބްދުލްމުޙުސިން މޫސާގެ ވާރިޘުންގެ ފަރާތުން މި ޤަޟިއްޔާއާ ގުޅިގެން ފާހަގަކުރިކަންކަން، މިރިޕޯޓުގެ 17،18 އަދި 19 ވަނަ ނުކުތާގައި ބަޔާންކުރެވިފައިވެއެވެ.
ދެފަރާތު ދެމެދު ކުރެވިފައިވާ މުޢާމަލާތް:
24އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގދ. ތިނަދޫ / ގަހާކޯޅި އެވެކިޔާ ބަންޑާރަ ގޯތީގައި ހަދާފައި ހުރި '50'x50 ގެ ފިހާރަ، 99 (ނުވަދިހަ ނުވައެއް) އަހަރަށް ހުންގާނު ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދިނުމާ ގުޅޭގޮތުން ޢަބްދުލްމުޙުސިން މޫސާ އާއި ހުންގާނު ޕްރައިވެޓް ލިމިޓެޑާ ދެމެދު 04 އެއްބަސްވުމެއް ވެފައިވެއެވެ.
24.1 2010 ޖުލައި 01 ވަނަ ދުވަހުން ފެށިގެން 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަށް ޢިމާރާތް ކުއްޔަށް ދިނުމަށް ވެފައިވާ ނަންބަރު 2010/Q10CA/01 އެއްބަސްވުން؛
24.2 2035 ޖުލައި 01 ވަނަ ދުވަހުން ފެށިގެން 25 (ފަންސަވީސް އަހަރު) ދުވަހުގެ މުއްދަތަށް ޢިމާރާތް ކުއްޔަށް ދިނުމަށް ވެފައިވާ ނަންބަރު 2014/B-Q10C/78 އެއްބަސްވުން؛
24.3 2060 ޖުލައި 01 ވަނަ ދުވަހުން ފެށިގެން 25 (ފަންސަވީސް އަހަރު) ދުވަހުގެ މުއްދަތަށް ޢިމާރާތް ކުއްޔަށް ދިނުމަށް ވެފައިވާ ނަންބަރު 2014/B-Q10C/97 އެއްބަސްވުން؛
24.4 2085 ޖުލައި 01 ވަނަ ދުވަހުން ފެށިގެން 24 (ސައުވީސް އަހަރު) ދުވަހުގެ މުއްދަތަށް ޢިމާރާތް ކުއްޔަށް ދިނުމަށް ވެފައިވާ ނަންބަރު 2014/B-Q10C/112 އެއްބަސްވުން؛
25މި ބަޔާންކުރެވުނު އެއްބަސްވުންތަކުގެ ތެރެއިން ނަންބަރު 2014/B-Q10C/78 އެއްބަސްވުމާއި، ނަންބަރު 2014/B-Q10C/97 އެއްބަސްވުމާއި އަދި ނަންބަރު 2014/B-Q10C/112 އެއްބަސްވުމަކީ، ޢަބްދުލް މުޙުސިން މޫސާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގދ. ތިނަދޫ / ގަހާކޯޅި އެވެކިޔާ ބަންޑާރަ ގޯތީގައި ހަދާފައި ހުރި 50'x50' ގެ ފިހާރަ ކުއްޔަށް ދިނުމާބެހޭ ގޮތުން 10 ޖޫން 2010 ގައި ސޮއިކުރެވުނު ނަންބަރު 2010/Q10CA/01 އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ގޮތުން ހެދިފައިވާ 03 އެއްބަސްވުމެވެ.
އެއްބަސްވުންތައް ބާޠިލްކަމަށް ނިންމި ނިންމުމާގުޅޭ:
26ޢަބްދުލް މުޙުސިން މޫސާ އާއި ހުންގާނު ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ބުނެވުނު 04 އެއްބަސްވުމަކީ ބާޠިލް އެއްބަސްވުން ތަކެއްކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި ކަނޑައެޅި ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި އިސްތިއުނާފުކުރާ ފަރާތުން އެ އެއްބަސްވުންތަކާ ގުޅޭގޮތުން ދަޢުވާއެއް ކޮށްފައި ނުވުމުން ކަމުގައެވެ.
27އެނިންމުމާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާ އާއި ދެމެދު ކޮށްފައިވާ މުޢާމަލާތަކީ، އެއްވެސް ޙާލަތެއްގައި ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނޫންކަމަށާއި، އެއީ، މަރުޙޫމު ނިޔާވުމާ ހަމަޔަށް، އެއްވެސް ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް ނެތި، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އަދި ހިނގަމުން އަންނަ މުޢާމަލާތްތަކެއް ކަމަށެވެ.
28HN2HN3ދެފަރާތެއްގެ ދެމެދުގައި ކޮންޓްރެކްޓެއް ކުރެވިފައިވަނިކޮށް، އެ ކޮންޓްރެކްޓުގެ ބައިވެރިޔަކު މަރުވާ ހާލަތުގައި ތަރިކައާބެހޭ ދައުވާގެ ގާނޫނުގައި ބަޔާންކޮށްފައިވާ 60 ދުވަހުގެ ތެރޭގައި އެ އެއްބަސްވުމުގެ އަނެއް ބައިވެރިޔާގެ ފަރާތުން އެ އެއްބަސްވުން ދެމެހެއްޓުމަށް ވާރިސުންގެ މައްޗަށް ދައުވާކޮށްފައި ނުވާނަމަ އެ އެއްބަސްވުން ނިމުމަކަށް އަންނާނެތޯ އާއި އެފަދަ ކޮންޓްރެކްޓަކީ ކޯޓުން ތަންފީޒުކޮށް ނުދޭނެ އެއްބަސްވުމެއްތޯ މިމައުޟޫޢުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް ޤަޟިއްޔާ ގައި ބަހުޘްކޮށްފައިވާއިރު ތަރިކައާބެހޭ ދައުވާގެ ޤާނޫނުގެ ދާއިރާއަކީ ކޮބައިކަން އެ ޤަޟިއްޔާގައި ކަނޑައަޅާފައިވެއެވެ. އެގޮތުން ތަރިކައާބެހޭ ދަޢުވާގެ ޤާނޫނުގެ ދާއިރާއާ ގުޅޭގޮތުން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ މީހަކު މަރުވުމަށްފަހު 60 ދުވަހުގެ ތެރޭގައި ކޯޓަށް ހުށަހެޅުމަށް ތަރިކައާބެހޭ ދައުވާގެ ގާނޫނުގެ ދަށުން ލާޒިމުކޮށްފައިވަނީ ދެ ބާވަތެއްގެ ދަޢުވާކަމަށެވެ. އެ ދެ ބާވަތުގެ ދަޢުވާއަކީ؛
(i) މަރްހޫމްގެ މައްޗަށް ދަރަންޏެއް ނުވަތަ އެފަދަ ކަމެއް އޮވެގެން ކުރެވޭ ދައުވާތައް؛ އަދި
(ii) މަރްހޫމް ކޮށްފައިވާ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއް އޮވެގެން އެފަދަ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއްގެ މަންފާ ލިބެނިވި ފަރާތަކުން އެ މަންފާއެއް ލިބިގަތުމަށް އެދި ކުރާ ދައުވާތައް.
ކަމަށެވެ. ތަރިކައާބެހޭ ޤާނޫނުން ދައުވާކުރުމަށް މުއްދަތެއް ކަނޑައަޅާފައިވަނީ މަރްހޫމްގެ ޝަޚުސުގެ މައްޗަށް ކުރާ ދައުވާތަކަށްކަމަށާއި، އެ ގާނޫނުގެ އެއްވެސް ތަނެއްގައި މުދަލުގެ މައްޗަށް ކުރެވޭ ދައުވާއެއް ކުރުމަށް ވަކި މުއްދަތެއް ބަޔާންކޮށްފައި ނުވާކަމަށާއި، ކޮންޓްރެކްޓެއްގެ ބައިވެރިއަކު މަރުވާ ދުވަހުން ފެށިގެން ވަކި މުއްދަތެއްގެ ތެރޭގައި އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާ އެ ކޮންޓްރެކްޓު ތަންފީޒު ކުރުމަށް ކޯޓަކަށް ހުށަނާޅައިފި ނަމަ އެ ކޮންޓްރެކްޓު ބާތިލުވާނެ ކަމަށް ނުވަތަ ތަންފީޒު ނުކުރެވޭނެ ކަމަށް އެ ގާނޫނުގެ އެއްވެސް ތަނެއްގައި ބުނެފައިނުވާކަން، އަދި އެގޮތަށް ދޭހަކުރެވޭނެ ފަދަ އިބާރާތެއްވެސް ނެތްކަމަށް އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ.
29HN4މިމައްސަލައަށް ބަލާއިރު، އަލްމުރުޙޫމް ޢަބްދުލްމުޙުސިން މޫސާ އާއި ހުންގާނު ޕްރައިވެޓް ލިމިޓެޑާ ދެމެދު އޮތް މުޢާމަލާތަކީ ޤާނޫނު ނަންބަރު: 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގެ ދާއިރާގެ ތެރޭގައި ހިމެނޭ ބާވަތުގެ މުޢާމަލާތެއް ނޫންކަން އެނގެއެވެ.
30އެހެންކަމުން، ޢަބްދުލް މުޙުސިން މޫސާގެ ތަރިކައާ ގުޅިގެން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި، ޤާނޫނު ނަންބަރު: 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދަޢުވާއެއް ކޮށްފައި ނުވުމުން އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާއާއި، ހުންގާނު ޕްރައިވެޓް ލިމިޓެޑާއި ދެމެދުވެފައިވާ 04 އެއްބަސްވުން ބާޠިލުކަމަށް ކަނޑައަޅާފައިވަނީ އިސްވެބުނެވުނު އުޞޫލުތަކާ ޚިލާފަށްކަން އެނގެއެވެ.
އެޑްވާންސް ފައިސާ އުނިނުކޮށް ކުލި ދައްކަން އަންގާފައިވުން:
31މިނުކުތާ ބިނާކޮށްފައިވަނީ "ހުންގާނު" ފިހާރައިގެ ކުލި ދެއްކުމާ ގުޅޭގޮތުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި ނިންމާފައި ނިންމުމުގެ މައްޗަށެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ، ދެފަރާތުގެ ދެމެދުގައި ކުރެވިފައިވާ އެއްބަސްވުމުގައި އެޑްވާންސްކޮށް ނަގާފައިވާ ފައިސާ ކުލިން އުނިކުރާގޮތަށް އެއްބަސްވެފައިވާކަމަށެވެ.
32HN5HN6އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާއާއި، ހުންގާނު ޕްރައިވެޓް ލިމިޓެޑާއި ދެމެދުވެފައިވާ 04 އެއްބަސްވުން ބާޠިލުކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްވެފައި، އަދި މަރުޙޫމްގެ ތަރިކައިގެ މައްސަލައިގެ ތެރެއިން ބުނެވިދިޔަ 4 އެއްބަސްވުމާ ޙަވާލާދީ އިސްތިއުނާފުކުރާ ހުންގާނު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް މާލީ އިލްތިޒާމްތަކެއް ކަނޑައަޅާފައިވަނީ، ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔުގައި ފާހަގަކޮށްފައިވާ ފަދައިން، އެ މައްސަލައިގެ އަރިމަތިން އަދި ހުންގާނު ޕްރައިވެޓް ލިމިޓެޑްގެ ބަހެއް ހޯދުމަކާ ނުލައެވެ. ވިޔަފާރީގެ މިފަދަ އެއްބަސްވުންތަކާމެދު ކޯޓުން ގޮތް ކަނޑައަޅަންވާނީ އެ އެއްބަސްވުންތަކާމެދު ޚިލާފު އުފެދިގެން ހުށަހަޅާ ދަޢުވާއެއްގައެވެ. އަދި ވަކިން ޚާއްޞަކޮށް ދައުވާކުރާ ފަރާތަށާއި ދަޢުވާލިބޭ ފަރާތަށާއި މަސްލަޙަތު ހިމެނޭ ފަރާތްތަކަށް އެފަރާތްތަކުގެ ޙައްޤާމެދު ޝަރީޢަތުގައި ބަސްބުނުމުގެ ފުރުޞަތުދީގެންނެވެ.
ނިންމަން ފެންނަގޮތް:
33ވުމާއެކު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގެ ޙުކުމުގައި އަލްމަރުޙޫމް ޢަބްދުލް މުޙުސިން މޫސާއާއި، ހުންގާނު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ 04 (ހަތަރެއް) އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅުއްވާފައިވާ ބައި ބާޠިލްކުރުމާއެކު؛
34ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާ ހުންގާނު ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ ފިހާރައިގެ ކުލީގެ ގޮތުގައި ހުންގާނު ޕްރައިވެޓް ލިމިޓެޑުން ޢަބްދުލް މުޙުސިން މޫސާ ނިޔާވި ތާރީޚުން (30 ޑިސެމް 2015) ފެށިގެން 2017 އޮކްޓޫބަރު މަހުގެ ނިޔަލަށް ހޭދަވި 22 (ބާވީސް) މަސްދުވަހުގެ ކުއްޔަށް އެއްބަސްވުމުގައިވާ ގޮތުގެމަތިން -/330,000 (ތިންލައްކަ ތިރީސް ހާސް) ރުފިޔާ ދައްކަންޖެހޭކަމަށް ކަނޑައަޅައި ނިންމާފައިވާ ޙުކުމުގެ އެބައި ބާޠިލުކުރުމާއެކު؛
35އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާއާއި ހުންގާނު ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުންތަކާއި އެއްބަސްވުންތަކުގެ ދަށުން ލިބިދޭ ޙައްޤަކާމެދު ޚިލާފެއް އޮތްނަމަ ދަޢުވާކުރުމުގެ ފުރުޞަތު މަރުޙޫމް ޢަބްދުލްމުޙުސިން މޫސާގެ ވާރިޘުންނަށް ލިބިގެންވާކަމުގައި ކަނޑައަޅައި މައްސަލަ ނިންމަން ފެނެއެވެ.
ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު:
36ރިޔާސަތު ފަނޑިޔާރު މުޙައްމަދު ސަލީމްގެ ނިންމުމަށް ތާއީދުކުރުމާއެކު އަންނަނިވި ކަންކަން އަހުރެން ފާހަގަކުރަމެވެ.
37މި މައްސަލައަށް ބަލާއިރު، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާއަކީ ގދ. ތިނަދޫ، ގަހާކޯޅި، އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާ، 30 ޑިސެންބަރު 2015 ދުވަހު ނިޔައުވުމާ ގުޅިގެން ތަރިކަ ބެހުމަށްޓަކައި އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާގެ ވާރިޘުންގެ ތެރެއިން އެމަރުހޫމުގެ އަންހެންދަރި ޑޮކްޓަރު މިލްޒާ ޢަބްދުލްމުޙުސިން ހުށަހަޅާފައިވާ ތަރިކައިގެ މައްސަލައެކެވެ.
38ގދ. ތިނަދޫ، ގަހާކޯޅި ގޯތީގެ ދެކުނުބައިގައި ހަދާފައިވާ '50'x50 ގެ ފިހާރަ ކުއްޔަށް ދިނުމާބެހޭގޮތުން 04 އެއްބަސްވުން ގދ. ތިނަދޫ، ގަހާކޯޅި، އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާ އާއި ހުންގާނު ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާއިރު މިއީ ވިޔަފާރީގެ ބާވަތެއްކަމުގައިވާ ކުލީގެ އެއްބަސްވުންތަކެކެވެ.
39އަލްމަރުޙޫމް ޢަބްދުލްމުޙުސިން މޫސާ އާއި ހުންގާނު ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ ބުނެވުނު 04 އެއްބަސްވުމަކީ ބާޠިލް އެއްބަސްވުން ތަކެއްކަމަށް ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި ކަނޑައެޅި ސަބަބެއްގެގޮތުގައި "ޤާނޫނު ނަންބަރު: 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު) ގައި ބަޔާންކޮށްފައިވާ މުއްދަތުގައި ދަޢުވާކޮށްފައި ނުވުން" ބަޔާންކޮށްފައި ވީނަމަވެސް މި އެއްބަސްވުންތަކަށް ބަލާއިރު މިއީ ދަރަނި ނަގައި އެ ދަރަނި އަނބުރާ ދެއްކުމާގުޅޭ އެއްބަސްވުންތަކެއް ނޫންކަމާއި، މިއީ ކުލީގެ އެއްބަސްވުންތަކެއްކަން މި އެއްބަސްވުންތަކުން އެނގެއެވެ. އެހެންކަމުން ތަރިކައިގެ ޤާނޫނާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތެއް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، މިއީ އެމަރުހޫމުގެ މައްޗަށް ދަރަންޏެއް ނުވަތަ ވަސިއްޔަތެއް ނުވަތަ އެފަދަ ކަމެއް އޮވެގެން އެފަދަކަމެއްގެ މައްޗަށް ބިނާވެފައިވާ މުޢާމަލާތަކަށް ނުވާތީ، ތަރިކައިގެ ޤާނޫނުގައި ދަޢުވާކުރުމަށް އޮންނަ 60 (ފަސްދޮޅަސް) ދުވަހުގެ މުއްދަތު މި އެއްބަސްތަކަށް ހިނގާނެކަމުގައި ނުދެކެމެވެ. އެހެންކަމުން ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި އެއްބަސްވުންތައް ބާޠިލުކަމަށް ކަނޑައަޅާފައިވާ އެބައި ބާޠިލުކުރަންޖެހޭ ކަމުގައި ދެކެމެވެ.
40ބުނެވިދިޔަ 04 އެއްބަސްވުން ބާޠިލުކަމަށް ތަރިކަ ޤަޟިއްޔާގައި ދަށު ކޯޓުން ކަނޑައަޅާފައިވަނީ ތަރިކަ ބެހުމުގައި އެ މައްސަލައިގެ އަރިމަތިން އަދި ހުންގާނު ޕްރައިވެޓް ލިމިޓެޑްގެ ބަހެއް ހޯދުމަކާ ނުލައެވެ.
41ވިޔަފާރީގެ މިފަދަ އެއްބަސްވުންތަކާމެދު ކޯޓުން ގޮތް ކަނޑައަޅަންވާނީ އެ އެއްބަސްވުންތަކާމެދު ޚިލާފު އުފެދިގެން ހުށަހަޅާ ދަޢުވާއެއްގައެވެ. އަދި ވަކިން ޚާއްޞަކޮށް ދައުވާކުރާ ފަރާތަށާއި ދަޢުވާލިބޭ ފަރާތަށާއި މަސްލަޙަތު ހިމެނޭ ފަރާތްތަކަށް އެފަރާތްތަކުގެ ޙައްޤާމެދު ޝަރީޢަތުގައި ބަސްބުނުމުގެ ފުރުޞަތުދީގެންނެވެ.
42HN7ބުނެވުނު އުސޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު އެއްބަސްވުންތައް ބާޠިލުކުރަން ބޭނުންނަމަ ހުންގާނު ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް އެފަދައިން މަދަނީ ދަޢުވާއެއް ކުރަންޖެހޭނެކަމުގައި ދެކެމެވެ. އަދި އެފަދައިން ކުރާ ދަޢުވާއެއްގައި ހުންގާނު ޕްރައިވެޓް ލިމިޓެޑް ހިމެނޭހެން މަސްލަޙަތު ހިމެނޭ ހުރިހާ ފަރާތްތަކަށް ޝަރީޢަތުގައި ބަސްބުނުމުގެ ފުރުޞަތު ދަށު ކޯޓުން ދޭންޖެހޭނެކަމުގައި ދެކެމެވެ. ހަމައެހެންމެ އެފަދައިން ކުރާ ދަޢުވާއެއްގައި ކޮންޓްރެކްޓާބެހޭ ޤާނޫނުގެ އިތުރުން ބިމާބެހޭ ޤާނޫނާއި، އެޤާނޫނުގެ ދަށުން އެއިރަކު ހެދިފައިވާ ޤަވާޢިދުތަކާއި، ކަމާގުޅޭ އެންމެހައި ޤާނޫނީ މަސްދަރުތަކާމެދު ބަހުސްކުރުމުގެ ފުރުޞަތު އޮންނަންވާނެ ކަމުގައި ދެކެމެވެ.
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު:
43މި މައްސަލައިގައި ރިޔާސަތު ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔަށާއި އަދި ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔަށް އަހުރެން ތާއިދުކުރަމެވެ.
އިސްތިއުނާފު ކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން:
44މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން، އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާ ނިންމާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. މި މުއްދަތުގެ ތެރޭގައި ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓު ޚަޞްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެން ނަމަވެސް، ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ނުކުތާތަކުގައި ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގައި ކުރައްވާފައިވާ ޙުކުމުގައި؛
1- އަލްމަރުޙޫމް ޢަބްދުލް މުޙްސިން މޫސާއާއި، ހުންގާނު ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ 04 (ހަތަރެއް) އެއްބަސްވުން ބާޠިލްކަމަށް ކަނޑައަޅުއްވާފައިވާ ބައި ބާޠިލްކުރުމާއެކު؛
2- އަލްމަރްޙޫމް ޢަބްދުލް މުޙްސިން މޫސާ ހުންގާނު ޕްރައިވެޓް ލިމިޓެޑަށް ކުއްޔަށް ދީފައިވާ ފިހާރައިގެ ކުލީގެ ގޮތުގައި ހުންގާނު ޕްރައިވެޓް ލިމިޓެޑުން ޢަބްދުލް މުޙްސިން މޫސާ ނިޔާވި ތާރީޚުން (30 ޑިސެންބަރު 2015) ފެށިގެން 2017 އޮކްޓޫބަރު މަހުގެ ނިޔަލަށް ހޭދަވި 22 (ބާވީސް) މަސްދުވަހުގެ ކުއްޔަށް އެއްބަސްވުމުގައިވާ ގޮތުގެމަތިން -/330,000 (ތިންލައްކަ ތިރީސް ހާސް) ރުފިޔާ ދައްކަންޖެހޭކަމަށް ކަނޑައަޅައި ނިންމާފައިވާ ޙުކުމުގެ އެބައި ބާޠިލުކުރުމާއެކު؛
3- އަލްމަރްޙޫމް ޢަބްދުލް މުޙްސިން މޫސާއާއި ހުންގާނު ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުންތަކާއި އެއްބަސްވުންތަކުގެ ދަށުން ލިބިދޭ ޙައްޤަކާމެދު ޚިލާފެއް އޮތްނަމަ ދަޢުވާކުރުމުގެ ފުރުޞަތު މަރުޙޫމް ޢަބްދުލް މުޙްސިން މޫސާގެ ވާރިޘުންނަށް ލިބިގެންވާކަމަށް ކަނޑައަޅައި؛ ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފަނޑިޔާރު ޙުސައިން މަޒީދު
ފަނޑިޔާރު މުޙައްމަދު ސަލީމް (ރިޔާސަތު)
ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިން
ފުޓްނޯޓު
- ރަޖިސްޓްރީ ނަންބަރު: C-0153/2010
- އައިޑީ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 197-CR/95/2020/68 (26 ނޮވެންބަރު 2020)
- ނަންބަރު Q10CA/01/2010 އެއްބަސްވުމާއި، އެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ގޮތުން ވެފައިވާ ތިން އެއްބަސްވުން
- ހުވަދު އަތޮޅު ތިނަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގެ ޝަރީޢަތް ނިންމިގޮތުގެ ރިޕޯޓުގެ 16 ވަނަ ނުކުތާ
- އައިޑީ
- އައިޑީ
- އައިޑީ
- އައިޑީ
- އައިޑީ
- އައިޑީ
- އައިޑީ
- އައިޑީ
- އައިޑީ
- އައިޑީ
- އައިޑީ
- މި 06 ފަރާތް ހައިކޯޓުގައި ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ގދ. ތިނަދޫ، މީނާނީޒް، މުޙައްމަދު ސަޢީދުގެ ފަރާތުން ހައިކޯޓުގައި ދެއްކި ވާހަކަ
- މި 05 ފަރާތް ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ވާރިޘުންގެ ތެރޭގައި ހިމެނޭ މަރްޔަމް ޝަޒްނާ ޢަބްދުލްމުޙްސިން ހައިކޯޓުގައި ދެއްކި ވާހަކަ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނަންބަރު 2019/SC-A/04 ޤަޟިއްޔާގެ 13 ވަނަ ނުކުތާ އަދި ޙުކުމް
- ޢަބްދުލްމުޙުސިން މޫސާގެ ނަމުގައި ރަޖިސްޓްރީ ކޮށްފައިވާ ގދ. ތިނަދޫ / ގަހާކޯޅި އެވެކިޔާ ބަންޑާރަ ގޯތީގައި ހަދާފައި ހުރި 50'x50' ގެ ފިހާރަ ކުއްޔަށް ދިނުމާބެހޭ ގޮތުން 10 ޖޫން 2010 ގައި ސޮއިކުރެވުނު "ކުއްޔަށްދިނުމުގެ އެއްބަސްވުން".
- ނަންބަރު 2010/Q10CA/01 އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމުގެ ގޮތުން 24 ޖުލައި 2014 ގައި ސޮއިކުރެވިފައިވާ " މުއްދަތު އިތުރުކުރުމުގެ އެއްބަސްވުން" ގެ 1 ވަނަ މާއްދާ
- ނަންބަރު 2010/Q10CA/01 އެއްބަސްވުމުގެ މުއްދަތު ދެވަނަ ފަހަރަށް މުއްދަތު އިތުރުކުރުމުގެ ގޮތުން 17 ސެޕްޓެންބަރު 2014 ގައި ސޮއިކުރެވިފައިވާ " މުއްދަތު އިތުރުކުރުމުގެ އެއްބަސްވުން" ގެ 1 ވަނަ މާއްދާ
- ނަންބަރު 2010/Q10CA/01 އެއްބަސްވުމަށް ތިންވަނަ ފަހަރަށް މުއްދަތު އިތުރުކުރުމުގެ ގޮތުން 29 އޮކްޓޫބަރު 2014 ގައި ސޮއިކުރެވިފައިވާ "މުއްދަތު އިތުރުކުރުމުގެ އެއްބަސްވުން" ގެ 1 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/10 ޤަޟިއްޔާ
- ދަށު ކޯޓަށް ހުށަހެޅުނު ކުލީގެ އެއްބަސްވުން އަދި މުއްދަތު އިތުރުކުރުމުގެ 3 އެއްބަސްވުން
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/10 ޤަޟިއްޔާ
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 25/75 (ތަރިކައާބެހޭ ދަޢުވާގެ ޤާނޫނު)
- ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) (ސުޕްރީމް ކޯޓުން ތަހުވީލުކުރުމުގައި ޙަވާލާދީފައި)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)، (ށ) އަދި (ނ) (އިސްތިއުނާފުކުރުމުގެ އިޖުރާއަތު)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2018/SC-A/10 (މުޙައްމަދު ޔޫސުފް މޫސާ ވ. ފާޠިމަތު ނާޡިމާ އަދި އިތުރު 3 ފަރާތް)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2019/SC-A/04
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނުގޮފީގެ 2018/HC-S-A/05
ޝަރީޢަތުގެ ވީޑިއޯ
ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.