ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-A/04ސުޕްރީމް ކޯޓު · 25 ނޮވެމްބަރު 2020 · މަދަނީ – ތަރިކަ؛ އިސްތިއުނާފުގައި ޙައްޤުވެރި ފަރާތްތައް ހާޒިރުކުރުން

ޢާއިޝަތު އިޝާން ވ. ހުންގާނު ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 25 ނޮވެމްބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ކޯޓަށް އައި ގޮތް
މެޖިސްޓްރޭޓް ކޯޓުން އެއްބަސްވުންތައް ބާޠިލުކޮށް ކުލީގެ ގޮތުގައި 330,000 ރުފިޔާ ދައްކަންޖެހޭކަމަށް ނިންމިއެވެ. ހައިކޯޓުން އެ ދެ ބައި ބާޠިލުކުރީ ފިހާރަ ހުރި ބައި ނުލިބޭ އެއް ވާރިޘެއް ރައްދުވާ ފަރާތަކަށް ޖަހައި، އޭނާގެ ޣައިރު ހާޒިރުގައި އަދި އެހެން ވާރިޘަކު ހާޒިރުނުކޮށެވެ.
ވާޤިޢާ
ތަރިކައިގެ ގޯތީގެ ވާރިޘުންނަށް ބެހުނު ބަޔެއްގައި ހުރި ފިހާރައެއް ކުއްޔަށް ދިނުމަށް މަރުޙޫމާއި ހުންގާނު ޕްރައިވެޓް ލިމިޓެޑްއާ ދެމެދު ވެފައިވާ 4 އެއްބަސްވުމެއް، ތަރިކައިގެ މައްސަލައިގައި ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓުން ބާޠިލުކޮށް، ކުލީގެ ފައިސާ ވާރިޘުންނަށް ބަހައިދިނެވެ. އެ މައްސަލައިގައި ކުންފުނީގެ ބަހެއް ހޯދާފައިވާކަން ރިޕޯޓުން ނޭނގެއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ތަރިކައިގެ މައްސަލައެއްގައި ކުރެވުނު ނިންމުމުގެ ބައެއް ބާޠިލުކުރުމަށް ހުށަހެޅި އިސްތިއުނާފު، އެ ކަމުގައި ބަސްބުނުމުގެ ޙައްޤު އޮތް ވާރިޘުންނަށް އެންގުމެއް ނެތި، އެ ފަރާތްތަކުގެ ބަހެއް ނުހޯދައި ހައިކޯޓުން ނިންމުމަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތްވާ ކަމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އިސްތިއުނާފު ކުރި ފަރާތް ބުނީ ތަރިކައާބެހޭ ދަޢްވާގެ ޤާނޫނުގެ 60 ދުވަހުގެ މުއްދަތަށް ކުންފުނިން ޢަމަލުނުކުރާތީ ހައިކޯޓުގެ ނިންމުން ޤާނޫނާ ޚިލާފު ކަމަށާއި، ހައިކޯޓުގައި މައްސަލަ ހުށަހެޅި ކަމާއި ނިމުނުކަން އޭނާއަށް ނޭނގޭ ކަމަށެވެ. ކުންފުނިން ބުނީ އެއް ވާރިޘެއް އެކަނި އިސްތިއުނާފުކޮށްފައިވާތީ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ހައިކޯޓަށް އިސްތިއުނާފުކުރި ކަންކަމާމެދު ބަސްބުނުމުގެ ޙައްޤު ލިބޭނީ ފިހާރަ ހުރި ބައި އަދި ކުލި ލިބުނު ވާރިޘުންނަށް ކަމުން، އެ ފަރާތްތަކަށް ނުއަންގައި އެމީހުންގެ ބަހެއް ނުހޯދައި ހައިކޯޓުން ނިންމި ޙުކުމަކީ ޤާނޫނީ އުޞޫލުތަކާ ޚިލާފު ޙުކުމެކެވެ. އެހެންކަމުން ޙުކުމް ބާޠިލުކޮށް، ޙައްޤުވެރި ފަރާތްތަކުގެ ހާޒިރުގައި އަލުން ބެލުމަށް ހައިކޯޓަށް ތަޙްވީލުކުރެވުނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2018/HC-S-A/05
ފަހުގެ ތާރީޚު
—

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު؛ ބަސްބުނުމުގެ ޙައްޤު އޮތް ވާރިޘުންގެ ހާޒިރުގައި މައުޟޫޢީ ގޮތުން އަލުން ބެލުމަށް ހައިކޯޓަށް ތަޙްވީލު

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

އިސްތިއުނާފަށް ހުށަހެޅިފައިވާ ކަންކަމާމެދު ބަހެއް ބުނުމުގެ ޙައްޤު ލިބޭނީ ވާރިޘުންގެ ތެރެއިން އެ ކަންކަމާ ގުޅުންހުރި ތަރިކައިގެ ބައި ލިބުނު ވާރިޘުންނާއި، އެ ތަނުގެ ކުލީގެ ފައިސާ ލިބުނު ވާރިޘުންނަށެވެ.

އިސްތިއުނާފު ކުރި ފަރާތުގެ ޙައްޤު ހިމެނޭ ކަމެއްގައި އޭނާއަށް އެއްވެސް އެންގުމެއް ނެތި ހައިކޯޓުން މައްސަލަ ނިންމާފައިވާ ވާހަކަ ކަމަށްވެފައި، މައްސަލައިގެ މައުޟޫޢީ އެހެން ކަމަކަށް އިތުރަށް ބެލެން ނެތުމުން، އެހެން ވާރިޘުންގެ ބަހެއް ނުހޯދައި ސުޕްރީމް ކޯޓުން އެ ނުކުތާއަށް ގޮތެއް ނިންމިދާނެއެވެ.

ހައިކޯޓަށް ހުށަހެޅުނު މައްސަލައެއް ހިންގައި ނިންމާފައިވަނީ އިސްތިއުނާފު ކުރެވުނު ކަންކަމާމެދު ބަސްބުނުމުގެ ޙައްޤު އޮތް ފަރާތްތަކަށް އެންގުމެއް ނެތި، އެ ފަރާތްތަކުގެ ބަހެއް ނުހޯދައިކަމަށް ވާނަމަ، އެއީ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ވާނެއެވެ؛ އަދި އެއީ ޖަވާބުދާރީވުމުގެ ފުރުޞަތު ލިބޭނެހެން އެ ފަރާތްތަކުގެ ހާޒިރުގައި ހައިކޯޓުން އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެކެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ)
  • ތަރިކައާބެހޭ ދަޢްވާގެ ޤާނޫނު (60 ދުވަހުގެ މުއްދަތު؛ އިސްތިއުނާފު ކުރި ފަރާތުން ބަރޯސާވި)

ފަނޑިޔާރުން

ބެންޗު
ޢަލީ ރަޝީދު ޙުސައިން، މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
ރިޔާސަތު
ޑރ. މުޙައްމަދު އިބްރާހީމް
ރައުޔު ލިޔުނު ފަނޑިޔާރު
ޢަލީ ރަޝީދު ޙުސައިން · ތާއީދުކުރެއްވީ: މަޙާޒު ޢަލީ ޒާހިރު، ޑރ. މުޙައްމަދު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ […]، ޢާއިޝަތު އިޝާން (އައިޑީ (މީގެ ފަހުން "ޢާއިޝާތު އިޝާން" ނުވަތަ "އިސްތިއުނާފު ކުރި ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހުންގާނު ޕްރައިވެޓް ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު: C-0153/2010) (މީގެ ފަހުން "ހުންގާނު ޕްރައިވެޓް ލިމިޓެޑް" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ (ގދ. ތިނަދޫ) މެޖިސްޓްރޭޓް ކޯޓުން ބެލި ތަރިކައިގެ މައްސަލަ

[…]، އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާ 30 ޑިސެންބަރު 2015 ނިޔާވެފައިވާތީ، އޭނާގެ ތަރިކަ ބަހައި ދިނުމަށް އެދި، […] މެޖިސްޓްރޭޓް ކޯޓަށް، އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުން ކުރެ […]، ޑރ. މިލްޒާ ޢަބްދުލް މުޙުސިން ހުށަހެޅުމުން، އެ ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާއިން އެ މައްސަލަ ބަލާފައިވެއެވެ.

އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުންގެ ގޮތުގައި ތިބީ ހުވަފަތް އަނބި ޙައްވާ ޒާހިރާއާއި، 2 (ދޭއް) ފިރިހެން ދަރިންކަމުގައިވާ މޫސާ މަނިކުފާނާއި މުޢުތަޞިމް ޢަބްދުލް މުޙުސިންއާއި، 8 (އަށެއް) އަންހެން ދަރިންކަމުގައިވާ ޑރ. މިލްޒާ ޢަބްދުލް މުޙުސިންއާއި ޢާއިޝަތު އިޝާންއާއި ފާޠިމަތު ހިންދު ޢަބްދުލް މުޙުސިންއާއި ހަނާ ޢަބްދުލް މުޙުސިންއާއި އާމިނަތު ހަވާއުއާއި މުނާ ޢަބްދުލް މުޙުސިންއާއި މަހާސިން ޢަބްދުލް މުޙުސިންއާއި މަރްޔަމް ޝަޒުނާ ޢަބްދުލް މުޙުސިންއާއެކު، ޖުމްލަ 11 (އެގާރަ) ވާރިޘުންކަން އެ ޤަޟިއްޔާގައި ހެކިންގެ ހެކިބަހުން ސާބިތުކޮށްފައިވެއެވެ.

ތަރިކައިގެ ގޮތުގައި ވާރިޘުންގެ މެދުގައި ބަހަން ހުށަހެޅިފައިވާ […]ކިޔުނު ގޯތި ވާރިޘުން އެއްބަސްވި ގޮތަށް ބަހައިދީފައިވެއެވެ. މިގޮތުން އެ ގޯތީގައި ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން ހިންގާ "ހުންގާނު" ފިހާރަ ހުންނަ ބައި ލިބިފައިވަނީ ވާރިޘުން ކުރެ މޫސާ މަނިކުފާނާއި ޢާއިޝަތު އިޝާންއާއި ހަނާ ޢަބްދުލް މުޙުސިންއާއި ފާޠިމަތު ޢަބްދުލް މުޙުސިންއާއި އާމިނަތު ހަވާއުއާއި ޙައްވާ ޒާހިރާ، މި 6 (ހައެއް) ވާރިޘުންނަށެވެ.

"ހުންގާނު" ފިހާރަ ހުންނަ ބައި ކުއްޔަށް ދިނުމުގެ ގޮތުން ހުންގާނު ޕްރައިވެޓް ލިމިޓެޑްއާއި އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާއާ ދެމެދު ވެފައިވާ 4 (ހަތަރެއް) އެއްބަސްވުމެއް މި ޤަޟިއްޔާގައި ބާޠިލުކޮށްފައިވެއެވެ. އަދި، އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާ ނިޔާވި ދުވަހުން ފެށިގެން ތަރިކަ ބެހި ދުވަހާ ހަމަޔަށް ފާއިތުވެފައިވާ 22 (ބާވީސް) މަސްދުވަހަށް "ހުންގާނު" ފިހާރައިގެ ކުލީގެ ގޮތުގައި 330,000/-ރ. (ތިންލައްކަ ތިރީސްހާސް ރުފިޔާ) ހުންނަން ޖެހޭކަމަށާއި، އޭގެ ތެރެއިން ލިބިފައި ހުރި 154,000/-ރ. (އެއްލައްކަ ފަންސާސް ހަތަރު ހާސް ރުފިޔާ) ކޯޓަށް ޖަމާކޮށްފައިވާކަމަށާއި، އެ ފައިސާ ތަރިކައިގެ އުޞޫލުން ކޯޓުން ވާރިޘުންނަށް ބަހައިދީފައިވެއެވެ. މީގެ އިތުރުން، 176,000/-ރ. (އެއްލައްކަ ހަތްދިހަ ހަހާސް ރުފިޔާ) ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން ދައްކަންޖެހި ނުދައްކައިވާކަމަށް ވެސް އެ ނިންމުމުގައި ބަޔާންކޮށްފައިވެއެވެ. އަދި، ނުދައްކައިވާ ފައިސާ ވެސް ތަރިކައިގެ އުޞޫލުން ވާރިޘުންނަށް ޖެހޭ މިންވަރު އެ ނިންމުމުގައި ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

[…] މެޖިސްޓްރޭޓް ކޯޓުގައި ހިންގި ތަރިކައިގެ މައްސަލައިގައި ހުންގާނު ޕްރައިވެޓް ލިމިޓެޑްއާ ގުޅުން ހުރި ކަންތައްތަކެއް ނިންމާފައިވާއިރު، އެ މައްސަލައިގައި ހުންގާނު ޕްރައިވެޓް ލިމިޓެޑް ތަދައްޚުލުވެފައިވާކަން ނުވަތަ ތަދައްޚުލުކުރުވާފައިވާކަން ނުވަތަ އެ ފަރާތުގެ ބަހެއް ޝަރީޢަތުން ހޯދާފައިވާކަން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގެން ނެތްކަން ފާހަގަކުރެވެއެވެ.

[…] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގެ ނިންމުމުގައި ހުންގާނު ޕްރައިވެޓް ލިމިޓެޑްއާގުޅޭ ގޮތުން ނިންމާފައިވާ ނިންމުންތައް ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ނިންމުމުގެ އެ ބައިތައް ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްއިތުނާފު ކޮށްފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާއިން ނިންމިގޮތް

[…] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގެ ނިންމުމުގައި، ހުންގާނު ޕްރައިވެޓް ލިމިޓެޑްއާއި އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާއާ ދެމެދު ވެފައިވާ 4 (ހަތަރެއް) އެއްބަސްވުމެއް ބާޠިލުކޮށްފައިވާ ބަޔާއި، ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުންނަށް 330,000/-ރ. (ތިންލައްކަ ތިރީސްހާސް ރުފިޔާ) ދައްކަންޖެހޭކަމަށް އޮތް ބައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާއިން ބާޠިލުކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ، ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުންގެ ތެރެއިން ޢާއިޝަތު އިޝާން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތައް

އިސްތިއުނާފު ކުރި ފަރާތުން ހުށަހެޅި އިސްތިއުނާފު ފޯމަށް ބަލާއިރު އިސްތިއުނާފީ ނުކުތާތަކުގެ ގޮތުގައި ދެ ނުކުތާއެއް ބަޔާންކޮށްފައިވާކަން ފާހަގަކުރެވެއެވެ.

ފުރަތަމަ ނުކުތާއަކީ: […] މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު 132/Q10C/2016 ޤަޟިއްޔާގެ ނިންމުމުގެ ބައެއް ދިވެހިރާއްޖޭގެ ހައިކޯޓުން ބާޠިލުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނޫންކަމަށާއި، ތަރިކައާބެހޭ ދަޢްވާގެ ޤާނޫނުގެ ދަށުން މީހަކު މަރުވާ ދުވަހުން ފެށިގެން 60 (ފަސްދޮޅަސް) ދުވަހުގެ ތެރޭގައި އެ މީހަކާބެހޭ ގޮތުން ދަރަންޏެއް ނުވަތަ ވަޞިއްޔަތެއް އޮވެގެން ދަޢުވާ ކުރާނަމަ ކަމާބެހޭ ކޯޓަށް އެކަން ހުށަހަޅަން ވާނެކަމަށާއި، އެގޮތަށް ހުށަނާޅައިފިނަމަ އެފަދަ މައްސަލައެއް ނެތީކަމަށް ބަލަން ޖެހޭކަމަށާއި، ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން ޤާނޫނާ އެއްގޮތަށް ޢަމަލުކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ: ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށް މައްސަލަ އިސްތިއުނާފަށް ހުށަހެޅި ކަމެއް ވެސް އަދި، އެ ކޯޓުން މައްސަލަ ނިންމިކަން ވެސް އިސްތިއުނާފު ކުރި ފަރާތަށް އެނގިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށް މައްސަލަ އިސްތިއުނާފަށް ހުށަހެޅި ކަމެއް ވެސް އަދި މައްސަލަ ނިންމިކަން ވެސް އިސްތިއުނާފު ކުރި ފަރާތަށް އެނގިފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއާ ގުޅިގެން ކަން ހިނގާފައިވާ ގޮތް ބެލިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.

ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށް މައްސަލަ އިސްތިއުނާފަށް ހުށަހެޅިއިރު، އިސްތިއުނާފު ރައްދުވި ފަރާތަކަށް ޖަހާފައިވަނީ ޑރ. މިލްޒާ ޢަބްދުލް މުޙުސިން ކަމެވެ.

އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާގެ ތަރިކަ ބެހިއިރު، ތަރިކައިގެ ތެރޭގައި ހިމެނޭ […]ކިޔާ ގޯތީގައި "ހުންގާނު" ފިހާރަ ހުރި ބައި ލިބުނު ވާރިޘުންގެ ތެރޭގައި ޑރ. މިލްޒާ ޢަބްދުލް މުޙުސިން ނުހިމެނޭކަމާއި، އެ ތަނުގެ ކުލީގެ ފައިސާ ލިބުނު މީހުންގެ ތެރޭގައި ޑރ. މިލްޒާ ޢަބްދުލް މުޙުސިން ހިމެނޭކަން ފާހަގަކުރެވޭކަމެވެ.

ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން ދިވެހިރާއްޖޭގެ ހައިކޯޓުގެ ދެކުނު ގޮތްޕަށް ހުށަހެޅި މައްސަލައިގައި ހިމެނެނީ ހަމައެކަނި "ހުންގާނު" ފިހާރައާ ގުޅުން ހުރި ދެ ކަމެއް ކަމާއި، އެ ދެ ކަމާމެދު ބަހެއް ބުނުމުގެ ޙައްޤު ލިބޭނީ އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުންގެ ތެރެއިން "ހުންގާނު" ފިހާރަ ހުރި ބައި ލިބުނު ވާރިޘުންނާއި، އެ ތަނުގެ ކުލީގެ ފައިސާ ލިބުނު ވާރިޘުންނަށްކަމެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާ ހިންގާފައިވަނީ އިސްތިއުނާފު ރައްދުވި ފަރާތެއްގެ ގޮތުގައި އިސްތިއުނާފު ފޯމުގައި ޖަހާފައި އޮތް ޑރ. މިލްޒާ ޢަބްދުލް މުޙުސިން ހާޒިރު ނުކުރެވިގެން އޭނާގެ ޣައިރު ހާޒިރުގައިކަން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުން އެނގެން އޮތް ކަމާއި، އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުންގެ ތެރެއިން އެހެން ވާރިޘެއް ވެސް ދިވެހިރާއްޖޭގެ ހައިކޯޓަށް ހާޒިރުކޮށްފައިނުވާކަމެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ވާރިޘުންގެ ތެރެއިން ޢާއިޝާތު އިޝާން އެކަނިކަމަށާއި، ދަޢުވާ ފޯމުގައި އިސްތިއުނާފު ކުރި ފަރާތްތަކުގެ ގޮތުގައި އެހެން ވާރިޘުންގެ ނަންތައް ނުވަތަ އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުންކަމަށް ބުނެފައި ނެތުމުން، އެ ނަޒަރުން ބަލާކަމަށް ވަނީނަމަ، މި މައްސަލަ ސުޕްރީމް ކޯޓުގައި ކުރިއަށް ނުގެންދެވޭނެކަމަށް ދެކޭކަމަށް ހުންގާނު ޕްރައިވެޓް ލިމިޓެޑްއިން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާއިރު، މި މައްސަލައިގައި އިސްތިއުނާފު ކުރި ޢާއިޝާތު އިޝާން ބުނެފައިވަނީ އޭނާގެ ޙައްޤު ހިމެނޭ ކަމެއްގައި އޭނާއަށް އެއްވެސް އެންގުމެއް ނެތި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާ ވާހަކަ ކަމަށްވެފައި، އެކަން އެގޮތަށް ހިނގާފައި އޮތުމުން، މި މައްސަލައިގެ މައުޟޫޢީ އެހެން ކަމަކަށް އިތުރަށް ބެލެން ނެތުމުން، އެހެން ވާރިޘުން ގެ ބަހެއް ނުހޯދައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ނުކުތާއަށް ގޮތެއް ނިންމިދާނެކަން ފާހަގަކުރެވެއެވެ.

މިހެން މިކަން އޮތުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާއިން ހުށަހެޅުނު މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅައި، އެ މައްސަލަ ހިންގައި، މައްސަލަ ނިންމާފައިވަނީ އިސްތިއުނާފު ކުރެވުނު ކަންކަމާމެދު ބަސް ބުނުމުގެ ޙައްޤު އޮތް ފަރާތްތަކަށް އެންގުމެއް ނެތި، އެ ފަރާތްތަކުގެ ބަހެއް ނުހޯދައިކަން އެނގެން އޮތުމުން، މި މައްސަލައަކީ ޖަވާބުދާރީވުމުގެ ފުރުސަތު ލިބޭނެހެން އެ ފަރާތްތަކުގެ ހާޒިރުގައި ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި ގޮތެއް ކަނޑައަޅަންޖެހޭ މައްސަލައެއްކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2018/HC-S-A/05 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކޮށްފައިވާ ޙުކުމެއް ކަމުގައި ކަނޑައަޅައި، އެ ޙުކުމް ބާޠިލު ކުރުމާއެކު، ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 18 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، މި މައްސަލައަކީ އަލްމަރްޙޫމް ޢަބްދުލް މުޙުސިން މޫސާގެ ވާރިޘުންގެ ތެރެއިން މި ކަމުގައި ބަހެއް ބުނުމުގެ ޙައްޤު އޮތް ފަރާތްތަކުގެ ހާޒިރުގައި މައުޟޫޢީ ގޮތުން އަލުން ބަލަންޖެހޭ މައްސަލައެއްކަމުގައި ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓަށް މައްސަލަ ތަޙްވީލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރު

ޢަލީ ރަޝީދު ޙުސައިން

މުޙައްމަދު އިބްރާހީމް

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ