ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ) ވ. އިމްޕެކްސް ފިޝަރީޒް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2025/HC-A/158
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ދަޢުވާ ހުށަހެޅުމުގެ ކުރިން މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243ވަނަ މާއްދާގެ (ށ) ގެ ދަށުން ވަގުތީ އަމުރެއް ނެރުމުގައި ވަގުތީ އަމުރުތަކާބެހޭ ޢާންމު އުޞޫލީ ޝަރުޠުތައް (ނެކްސްބިޒް ޤަޟިއްޔާގެ ޝަރުޠުތައް) ފުރިހަމަވާން ޖެހޭތޯއާއި، ކުއްޔަށް ދީފައިވާ ރަށެއްގެ އެއްބަސްވުން ދައުލަތުން ބާޠިލުކުރުމާ ގުޅިގެން ސިވިލް ކޯޓުން ނެރި ވަގުތީ އަމުރަށް ހައިކޯޓުން ތާއީދުކުރީ ޤާނޫނާ އެއްގޮތަށްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓުގެ ޙުކުމާއި ސިވިލް ކޯޓުގެ ވަގުތީ އަމުރު ބާޠިލު (އިއްތިފާޤުން)
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މަދަނީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރުމަކީ ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށާއި، އެއީ ކޮންމެ ޙާލަތެއްގައި ކުރަންޖެހޭ ކަމެއް ނޫނެވެ.
HN2 މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243ވަނަ މާއްދާގެ (ށ) ގެ ދަށުން މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެވޭނީ، މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައަކަށްވުން ނުވަތަ ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމަކަށްވުން، މި 2 ޙާލަތުގައެވެ.
HN3 ވަގުތީ އަމުރެއް ނެރުމުގައި ސުޕްރީމް ކޯޓުން އިސްތިޤުރާރުކޮށްފައިވާ ޝަރުޠުތަކަކީ: އެދޭ ފަރާތަށް އެފަދަ އަމުރަކަށް އެދުމުގެ ސިފަ ޤާނޫނީ ގޮތުން ލިބިގެންވުން؛ އެ ފަރާތަށް ޤާނޫނީ ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވުން؛ އަދި އަމުރަކާ ނުލައި މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ތަދާރުކު ނުކުރެވޭ ގެއްލުމެއް ނުވަތަ ނުރައްކަލެއް އޮތުމެވެ.
HN4 ވަގުތީ އަމުރަކަށް އެދެނީ މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން ނުވަތަ ފަހުން ކަމުގައި ވިޔަސް މުރާފަޢާތުގެ ޝަކްލީ އަދި އިޖުރާއީ ކަންކަން ފުރިހަމަވާންޖެހޭނެ ކަމަށާއި، ދަޢުވާ ހުށަހެޅުމުގެ ކުރިން ނެރޭ އަމުރުގައި އިސްތިޤުރާރުވެފައިވާ އުޞޫލީ ހަމަތަކަށް އިތުރަށް ބަލައި ޔަޤީންކުރަން ޖެހޭއިރު، ދަޢުވާގެ ކުރިން އެދުމަކީ ވަގުތީ އަމުރުގެ ޢާންމު އުޞޫލުތައް ތަޖާހުލުކޮށް އެއްފަރާތްކުރެވޭނެ ސަބަބެއް ނޫނެވެ.
HN5 އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްތޯ ބަލަނީ، ވަގުތީ އަމުރަކާ ނުލައި މައުޟޫޢީ މައްސަލަ ލަސްވެގެން ހިނގައްޖެނަމަ ތަދާރުކު ނުކުރެވޭ އަދި އިޢާދަ ނުކުރެވޭ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ އެދޭ ފަރާތް ކުރިމަތިލާންޖެހޭތޯ ބަލައިގެންނެވެ؛ އަދި އެ ގެއްލުމަކީ ފައިސާއިން ނުވަތަ މިސްލީ ބަދަލެއް ދެވިދާނެ ގެއްލުމެއް ނޫންކަން ކޯޓަށް ޤަބޫލުކުރެވޭ މިންވަރަށް ހެއްކާއެކު ބަޔާންކޮށްދިނުމަކީ އެދޭ ފަރާތުގެ ޒިންމާއެވެ. އެކަށީގެންވާ ބަދަލު ނުދެވޭނެކަން ސާބިތު ނުކުރެވޭ ޙާލަތުގައި ދަޢުވާގެ ކުރިން ވަގުތީ އަމުރެއް ނެރެވިދާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ.
HN6 ދަޢުވާގެ ކުރިން އިންޞާފު ޤާއިމުކުރުމަށް ކޮންމެހެން ވަގުތީ ފިޔަވަޅެއް އަޅަންޖެހޭތޯ ބަލަނީ މައްސަލައިގެ ވަށައިގެންވާ ޙާލަތްތަކާއި ވަޤާއިޢުތަކާއި ކަމާބެހޭ ޤާނޫނީ އުޞޫލުތަކުގެ އަލީގައި ފުރަތަމަ ނަޒަރުގެ (prima facie) މިންގަނޑުންނެވެ؛ އަމުރު ނެރުމުގެ ޟަރޫރަތްތެރިކަން ކޯޓަށް ހާމަކޮށްދިނުމުގެ ޒިންމާ އޮންނަނީ އެދޭ ފަރާތުގައެވެ.
HN7 މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވާނީ އެ ޙައްޤު ޙިމާޔަތްކުރާ ޤާނޫނީ ޤާއިދާއެއް އޮވެ، ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢު ހުށަހެޅިގެންނެވެ؛ އެއްބަސްވުމުގެ ޝަރުޠާ ޚިލާފުވާކަމަށް ބުނެ ބާޠިލުކުރި ޙާލަތެއްގައި އެ ޙައްޤު ޤާއިމުވާނީ އެދޭ ފަރާތުން އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރަމުންދާކަން ޤަބޫލުކުރެވޭ މިންވަރުގެ ހެކި ހުރެގެންނެވެ.
HN8 ވަގުތީ ފަރުވާއަށް އެދި ކޯޓަށް އަންނަ ފަރާތަކީ ސާފު އަތަކައިގެން އަންނަ ފަރާތަކަށް ވާންޖެހޭނެ ކަމަށާއި، އެއްބަސްވުމެއް ބާޠިލުކުރުމާ ގުޅޭ މައްސަލައެއްގައި އެކަން ނިންމޭނީ އެދޭ ފަރާތުން އެއްބަސްވުމުގެ ޒިންމާތަކާއި ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން ސާފުވެގެންނެވެ؛ މި މައްސަލައިގައި އެއްބަސްވުމުގެ އަސާސީ މަޤްޞަދު (ވެލިއު އެޑިޝަން) 15 އަހަރު ވީއިރުވެސް ފަށާފައި ނުވާތީ ވަގުތީ އަމުރު ނެރުނީ ރަނގަޅަށް ނޫނެވެ.
HN9 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން (ނަތީޖާއަށް އެއްބަސްވެ، ތަފާތު ސަބަބުން): 243ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާގެ ކުރިން ނެރޭ ވަގުތީ އަމުރުގައި ބަލަންޖެހޭނީ ޤާނޫނުގައިވާ 2 ޝަރުޠު ފުރިހަމަވޭތޯ ކަމަށާއި، ޤާނޫނުގައި ނުބުނާ އިތުރު ކަމަކަށް ބަލަން ނުޖެހޭނެއެވެ؛ މި މައްސަލައިގައި އަވަހަށް ހުއްޓުވަންޖެހޭ ލިބިފައިވާ ނުވަތަ ލިބެމުންދާ ގެއްލުމެއްވެސް، އިންޞާފަށްޓަކައި ކޮންމެހެން އަމުރު ނެރެންޖެހޭ ޙާލަތެއްވެސް ނުވާތީ، އަމުރު ނެރުނީ 243 (ށ) ގެ ތަރަހައިން ބޭރުންނެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)، މުޙައްމަދު ސަލީމް
- ރިޔާސަތު
- ޢަލީ ރަޝީދު ޙުސައިން
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
- ވަކި ރައުޔު
- ޢަލީ ރަޝީދު ޙުސައިން (ރިޔާސަތު)
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު އަބްދުﷲ ޙަމީދުގެ ރައުޔު.....1
ތަޢާރުފު..... ތަޢާރުފު މައްސަލައިގައި ކަން ހިނގާފައިވާ ގޮތް.....1 ސިވިލް ކޯޓުގެ ނިންމުން.....4 ހައިކޯޓު މަރުޙަލާ.....5 ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް.....7 އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިންޕެކްސް ފިޝަރީޒްގެ ފަރާތުން ދެއްކި ވާހަކަ.....10 އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާގޮތް.....19 ނިންމަން ފެންނަ ގޮތް.....26
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު.....26
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު.....28
ޙުކުމް.....28 بـ الدارى الرحيم ދިވެހި ދައުލަތް (މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ) ވ. އިމްޕެކްސް ފިޝަރީޒް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް [2025] SC 26
ފަނޑިޔާރު އަބްދުﷲ ޙަމީދުގެ ރައުޔު : (ފަނޑިޔާރު މުޙައްމަދު ސަލީމް ތާއީދުކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/158 ޤޟިއްޔަ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށްބުނެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ (ދައުލަތް) ގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ އިމްޕެކްސް ފިޝަރީޒް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2ނ. އަތޮޅު މިނާވަރު ކިޔާ ފަޅު ރަށް (މީގެ ފަހުން ”ރަށް“ ނުވަތަ ”މިނާވަރު“)، ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށްޓަކައި އިމްޕެކްސް ފިޝަރީޒް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (މީގެފަހުން ”އިމްޕެކްސް ފިޝަރީޒް“ ނުވަތަ ”އިސްތިއުނާފުރައްދުވާ ފަރާތް“) އަށް 21 އަހަރަށް ކުއްޔަށް ދިނުމަށްޓަކައި، 06 ފެބުރުވަރީ 2010 ގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ (މީގެ ފަހުން [ދައުލަތް] [މިނިސްޓްރީ] ނުވަތަ [އިސްތިއުނާފުކުރާ ފަރާތް] އާއި، އިމްޕެކްސް ފިޝަރީޒާ ދެމެދު 06 ފެބުރުއަރީ 2010 ގައި އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
3އިޝާރާތްކުރެވުނު އެއްބަސްވުމުގެ 10ވަނަ މާއްދާގައި ބުނެފައިވަނީ [.....] ކުއްޔަށްހިފާ ފަރާތުން ރަށުގައި މަސައްކަތްކުރިއަށް ގެންދަން ޖެހޭނީ ކުއްޔަށްހިފާ ފަރާތުން ހުށަހެޅި ޕްރޮޕޯސަލް މި އެއްބަސްވުމުގެ ޖަދުވަލު 5، 6 އަދި 7 ގައި ހިމަނާފައިވާ ޖަދުވަލާ އެއްގޮތަށެވެ.“ މި ފަދައިންނެވެ.
4އެއްބަސްވުމާ އެއްގޮތަށް އިމްޕެކްސް ފިޝަރީޒުން ޢަމަލުކުރަމުންދޭތޯ ވަޒަންކުރުމުގެ ގޮތުން 12 އޮގަސްޓް 2024 ގައި، މިނިސްޓްރީގެ މޮނިޓަރިންގ ޓީމެއް ނ.މިނާވަރަށް ދަތުރެއްކޮށްފައިވެއެވެ. އެ ދަތުރުގައި ރަށުގެ އެކި ތަންތަން ބެލުމަށްފަހު ނިންމާފައިވަނީ، މިނާވަރު ހޯދުމަށްޓަކައި އިމްޕެކްސް ފިޝަރީޒުން ހުށަހެޅި ޕްރޮޕޯސަލާއި ވަރކް ޕްލޭނާ އެއްގޮތަށް އެ ކުންފުނިން ޢަމަލު ނުކުރާކަމަށާއި، އެހެންކަމުން އިސްވެ ބުނެވުނު 06 ފެބުރުވަރީ 2010ގެ އެއްބަސްވުމުގެ 10ވަނަ މާއްދާގައި ބުނާގޮތަށް މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވާކަމަށެވެ.
5މި ކަންތަކަށް ރިޢާޔަތްކޮށް، ވަރކް ޕްލޭނާ އެއްގޮތަށް އެއްބަސްވުމުގެ 10ވަނަ މާއްދާގައިވާ ގޮތަށް މަސައްކަތް ކުރިއަށްގެންދިޔުމަށް ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހުގެ މުއްދަތެއް އިމްޕެކްސް ފިޝަރީޒަށް މިނިސްޓްރީން ދިނެވެ. މަސައްކަތް ފުރިހަމަކުރުމަށް އިމްޕެކްސް ފިޝަރީޒަށް އެ މުއްދަތު ދެވުނުކަން އަންގައި އިމްޕެކްސް ފިޝަރީޒަށް ފޮނުވި ނޯޓިސްގައި އަންގާފައިވަނީ، އެއްބަސްވުމުގެ 10ވަނަ މާއްދާގައިވާ ގޮތަށް މަސައްކަތްކުރިއަށް ނުގެންގޮސްފިނަމަ އެއްބަސްވުމުގެ 11.2 ގެ ދަށުން މުޅި އެއްބަސްވުން ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވާކަމަށެވެ.
619 މާރޗް 2025 ގައި މިނިސްޓްރީން އިމްޕެކްސް ފިޝަރީޒަށް ފޮނުވި އިސްވެ ބުނެވުނު ސިޓީއާ ގުޅިގެން އިމްޕެކްސް ފިޝަރީޒުން މިނިސްޓްރީއަށް ސިޓީއެއް ފޮނުވިއެވެ. އެ ސިޓީގައި، 12 އޮގަސްޓް 2024 ގައި މިނިސްޓްރީން ކުރި މޮނިޓަރިންގ ދަތުރުގައި ފާހަގަވީ އެއްވެސް ކަމަކާ ގުޅޭ ރިޕޯޓެއް ނުވަތަ ލިޔުމެއްވެސް އިމްޕެކްސް ފިޝަރީޒާ ޙިއްސާކޮށްފައިނުވާކަމަށްބުނެ، މިނިސްޓްރީން ރަނގަޅުކުރުމަށް އެދޭ ކަންކަމަކީ ކޮބައިކަން އިތުރަށް އޮޅުން ފިލުވައިދޭން އެދިފައިވެއެވެ. އަދި އެއްބަސްވުމުގެ 10ވަނަ މާއްދާގައިވާ ގޮތަށް މަސައްކަތް ކުރިއަށް ނުގެންދާކަމަށްބުނެ މިނިސްޓްރީން ފާހަގަކުރާ ކަންކަމަކީ ބޭރުން ކޮންސަލްޓަންޓުންނާ މަޝްވަރާކޮށްގެން ކުރިއަށްގެންދެވޭނެ ކަންކަމަށްވާތީ، މަސައްކަތް ފުރިހަމަކުރުމަށް، ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށް 30 ދުވަހުގެ މުއްދަތެއް ހަމަޖައްސައިދިނުމަށް އިމްޕެކްސް ފިޝަރީޒުން އެދިފައިވެއެވެ. ނަމަވެސް މިނިސްޓްރީން އިމްޕެކްސް ފިޝަރީޒުން އެދުނުގޮތަށް މުއްދަތު ހަމަޖައްސައިދީފައި ނުވެއެވެ.
7އޭގެ ފަހުން، 24 އޭޕްރިލް 2025 ގައި މިނިސްޓްރީން ނ.މިނާވަރަށް އިތުރު މޮނިޓަރިންގ ދަތުރެއް ކުރިއެވެ. އެ ދަތުރަށްފަހުވެސް، މިނިސްޓްރީން ނިންމާފައިވަނީ ރަށުގެ ވަރކް ޕްލޭނާ އެއްގޮތަށް އިމްޕެކްސް ފިޝަރީޒުން މަސައްކަތްތައް ކުރިއަށް ނުގެންދާކަމަށެވެ. މިނިސްޓްރީން އެ ކަން އަންގައި އިމްޕެކްސް ފިޝަރީޒަށް 05 މެއި 2025 ގައި ފޮނުވި ނަންބަރު 492-E/PRIV/2025/88 (05 މެއި 2025) ސިޓީ (މީގެ ފަހުން [ޓަރމިނޭޝަން ނޯޓިސް] ގައި އިތުރަށް ބުނެފައިވަނީ، ވަރކް ޕްލޭނާ އެއްގޮތަށް އިމްޕެކްސް ފިޝަރީޒުން މަސައްކަތްތައް ކުރިއަށް ނުގެންދާތީ، އެއްބަސްވުމުގެ 11.2ވަނަ މާއްދާގެ ދަށުން އެއްބަސްވުން ބާތިލުކޮށް އިމްޕެކްސް ފިޝަރީޒުގެ ކިބައިން ރަށް ވަކިކޮށްފައިވާ ކަމަށާއި، 05 މެއި 2025 އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ރަށުގައި ހުރި އިމްޕެކްސް ފިޝަރީޒުގެ އުފުލޭ މުދާ ރަށުން ބޭލުމަށާއި، އެ މުއްދަތުގެ ތެރޭގައި އުފުލޭ މުދާ ނުގެންގޮސްފިނަމަ އެ ތަކެއްޗަކީ ދައުލަތުގެ މުދާކަމުގައި ބެލެވޭނެކަމަށާއި، އަދި އެ މުދަލުގެ ބަދަލު ލިބިނުދެވޭނެކަމަށެވެ.
8އެއްބަސްވުން ބާތިލުކޮށް މިނިސްޓްރީން ފޮނުވި ޓަރމިނޭޝަން ނޯޓިހާ ގުޅިގެން، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 242ވަނަ މާއްދާގެ (ށ) ގެ (1)، (2) އަދި (6) ވަނަ ނަންބަރުގެ ދަށުން ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް އިމްޕެކްސް ފިޝަރީޒުން މައްސަލައެއް ހުށަހެޅިއެވެ.
9ވަގުތީ އަމުރަށް އެދި ހުށަހެޅި ހުށަހެޅުމުގައި އިމްޕެކްސް ފިޝަރީޒުން ބުނެފައިވަނީ އެ ކުންފުންޏާއި މިނިސްޓްރީއާ ދެމެދު ވެވިފައިވާ އެއްބަސްވުމާ ގުޅިގެން މިނިސްޓްރީން ފޮނުވި އިސްވެ ބުނެވުނު ސިޓީތަކުގެ ސަބަބުން، އުފެދިފައިވާ ޚުޞޫމާތާ ގުޅިގެން އެސިޓީތައް ބާތިލުކުރުމަށް އެދި މިނިސްޓްރީގެ މައްޗަށް ދަޢުވާއެއް ކުރަން ގަސްތުކޮށްފައިވާ ކަމަށާއި، އެ ދަޢުވާ ހުށަހެޅުމުގެ ކުރިން މަދަނީ އިޖުރާއަތު ޤާނޫނުގެ 243ވަނަ މާއްދާގެ (ހ) ގެ ދަށުން ވަގުތީ އަމުރަކަށް އެދޭކަމަށެވެ. އަދި އިމްޕެކްސް ފިޝަރީޒުން އެދެނީ އެ ކުންފުނީގެ ފަރާތުން މިނިސްޓްރީގެ މައްޗަށް ހުށަހެޅުމަށް ގަސްތުކުރާ ދަޢުވާގައި ވަކިގޮތެއް ކަނޑައެޅެންދެން މިނާވަރު ކުއްޔަށް ދިނުމަށްޓަކައި 06 ފެބުރުވަރީ 2010 ގައި މިނިސްޓްރީ އާއި އިމްޕެކްސް ފިޝަރީޒް ދެމެދު ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރަމުން ގެންދިޔުމަށާއި، ތިންވަނަ ފަރާތެއްގެ ޙައްޤެއް ނުވަތަ މަޞްލަޙަތެއް އުފަންވެދާނެ އެއްވެސް ކަމެއް ނުކުރުމަށް މިނިސްޓްރީއަށް އަންގައި އަމުރުކުރުމަށެވެ.
ސިވިލް ކޯޓުގެ ނިންމުން
10ސިވިލް ކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1457-CVC-2025 ޤަޟިއްޔާއިންނެވެ.
11އިމްޕެކްސް ފިޝަރީޒުން ވަގުތީ އަމުރަކަށް އެދި ހުށަހެޅި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން ވަނީ، އިމްޕެކްސް ފިޝަރީޒުން އެދުނު ގޮތަށް، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި، އިމްޕެކްސް ފިޝަރީޒް ދެމެދު 06 ފެބުރުވަރީ 2010 ގައި ސޮއިކުރި ނަންބަރު K2/2010 އެއްބަސްވުން ބާތިލުކޮށްފައިވާ ކަމަށްބުނެ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ފޮނުވި އެ މިނިސްޓްރީގެ ނަންބަރު 492-E/PRIV/2025/88 (05 މެއި 2025) ސިޓީއަށް ޢަމަލުކުރުން ފަސްކުރުމަށް އެ މިނިސްޓްރީއަށް އަންގާފައެވެ. އަދި މީގެ އިތުރަށް، އިސްވެ ބުނެވުނު އެގްރީމެންޓަށް ޢަމަލުކުރަމުން ގެންދިޔުމާއެކު، މި ޚުޞޫމާތާ ގުޅިގެން އިމްޕެކްސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މައްޗަށް ހުށަހެޅުމަށް ގަސްތުކުރާ ދަޢުވާގައި ވަކި ގޮތެއް ކަނޑައަޅަންދެން ނ.މިނާވަރުގެ މައްޗަށް އެހެން ތިންވަނަ ފަރާތެއްގެ ޙައްޤެއް ނުވަތަ މަޞްލަޙަތެއް އުފަންވެދާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސިވިލް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
12ސިވިލް ކޯޓުން ނެރުނު ވަގުތީ އަމުރުގައި އިތުރަށް ބުނެފައިވަނީ އެ އަމުރަކީ މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރގެ މައްޗަށް ކޯޓަށް ހުށަހަޅަން ގަސްތުކުރާ ދަޢުވާއާ ގުޅިގެން ނެރުނު ވަގުތީ އަމުރަކަށްވާތީ، އަމުރު ނެރޭ ތާރީޚުން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ދަޢުވާ ހުށަހެޅުމަށާއި، އެ މުއްދަތުގައި ދަޢުވާ ހުށަނާޅައިފިނަމަ އަމުރު ބާޠިލުވާނެކަމަށެވެ.
ހައިކޯޓު މަރުޙަލާ
13ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށް މިނިސްޓްރީގެ ފަރާތުން ހުށަހަޅާފައިވަނީ އެންމެ ނުކުތާއެކެވެ. އެ ނުކުތާގައި ބަޔާންކޮށްފައިވަނީ، "ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) 243ވަނަ މާއްދާގެ (ށ) ގައި، "ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅުއަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ، އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައިވާނަމަ" މިފަދައިން ބަޔާންކޮށްފައިވާއިރު، ސިވިލް ކޯޓުގެ ނިންމުމުގައި ”އެއްބަސްވުން ބާޠިލުވެއްޖެކަމަށް ބުނެ 05 މެއި 2025 ގައި ދަނޑުވެރިކަމާއި ދިރޭތަކެއްޗާބެހޭ ވުޒާރާގެ ނަންބަރު 492-E/PRIV/2025/88 ސިޓީގައި ދީފައިވާ 14 (ސާދަ) ދުވަހަކީ ދަޢުވާއެއް ކޯޓަށް ހުށަހަޅަން އެކަށީގެންވާ މުއްދަތެއް ކަމަށް ޝަރީޢަތަށް ބުރަނުވެވޭތީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243ވަނަ މާއްދާގެ (ށ) ގެ ދަށުން ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައެއްކަމާއި، އަދި ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ޝަރީޢަތަށް ބުރަވެވޭ ކަމަށް ކަނޑައަޅުއްވާފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސެޓް ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ ޒުހުރީ ޤަޟިއްޔާގައި މި ފަދަ މައްސަލަތަކުގައި ވަގުތީ އަމުރު ނެރެދިނުމުގައި ފުރިހަމަވާންޖެހޭކަމަށް ކަނޑައަޅުއްވާފައިވާ ޝަރުތުތައް ފުރިހަމަނުވަނީސް، އެ ޝަރުތުތަކާ ޚިލާފަށް، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243ވަނަ މާއްދާއާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5ވަނަ މާއްދާގެ
(ށ) ގެ (2)ވަނަ ނަންބަރާއި، ޤާނޫނުއަސާސީގެ 143ވަނަ މާއްދާގެ (ރ) އާ ޚިލާފަށްކަން،“ މިފަދައިންނެވެ.
14މިނިސްޓްރީން ހުށަހެޅި އިސްތިއުނާފާ ގުޅިގެން ހައިކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭން ނިންމާއިރު، އަވަހަށް ފިޔަވަޅު އަޅަން ޖެހިއްޖެ މައްސަލައެއްތޯ ވަޒަންކުރަނީ، ވަގުތީ އަމުރެއް ނެތި އަސްލު މައްސަލަ ލަސްވެގެން ހިނގައްޖެނަމަ، އިޢާދަ ނުކުރެވޭނެފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާންޖެހޭނެތޯ ވަޒަންކޮށްގެން ކަމަށެވެ. އަދި ދަޢުވާއެއް ހުށަހެޅުމުގެ ކުރިން އިންސާފު ގާއިމުކުރުމަށްޓަކައި ކޮންމެހެން ވަގުތީ ފަރުވާގެ ފިޔަވަޅެއް އަޅަންޖެހޭތޯ ބަލަނީ، ވަގުތީ އަމުރު ނެރެދޭން އެދޭ މައްސަލައިގެ ވަށައިގެންވާ ޙާލަތްތަކާއި އެ މައްސަލައަށް ޚާއްޞަވާ ވާޤިޢާތަކާއި ގުޅުންހުރި ޤާނޫނީ އުޞޫލުތަކުގެ އަލީގައި ޕްރިމާ ފޭސީ މިންގަނޑުން ވަޒަންކޮށްގެން ކަމަށެވެ.
15ހައިކޯޓުން އިތުރަށް ބުނެފައިވަނީ ނ. މިނާވަރު ކުއްޔަށް ދިނުމަށްޓަކައި އިމްޕެކްސް ފިޝަރީޒާއި މިނިސްޓްރީއާ ދެމެދު ވެފައިއޮތް ޞައްޙަ އެއްބަސްވުން މިނިސްޓްރީން ބާތިލުކޮށް ނ.މިނާވަރު ހުސްކުރުމަށް އަންގާފައިވަނީ، އެއްބަސްވުމުގެ މާއްދާއަކަށް އިމްޕެކްސް ފިޝަރީޒުން ޢަމަލު ނުކުރާކަމަށްބުނެ ކަމަށާއި ނަމަވެސް، އެ މާއްދާއާ އެއްގޮތަށް ނުކުރެވި އޮތީ ކޮންކަމެއް ކަން މިނިސްޓްރީން ބަޔާންކޮށްނުދޭކަމަށް އިމްޕެކްސް ފިޝަރީޒުން ބުނާ ކަމަށާއި، މި ކަންތައްތަކަށް ބެލުމުން ޝަރީޢަތްކޮށްގެން ބަލަންޖެހޭ ޚުޞޫމާތެއް އޮތްކަން ޕްރިމާ ފޭސީ މިންގަނޑުން ބުރަވެވޭކަމަށެވެ. އަދި، މިނާވަރުގައި ހުރި އިމްޕެކްސް ފިޝަރީޒުގެ އުފުލޭ މުދައު 14 (ސާދަ) ދުވަހުގެ ތެރޭގައި ރަށުން ބޭލުމަށް މިނިސްޓްރީން އަންގާފައި އޮތް އޮތުމާއި، އެ މުއްދަތުގައި ނުގެންދެވޭ އިމްޕެކްސް ފިޝަރީޒުގެ މުދަލަކީ ރަށަށް ދޫކޮށްލާ މުދާކަމަށް ބަލައި އެއީ ދައުލަތުގެ މުދާކަމުގައި ބެލެވޭނެކަމަށް ބުނުމުގެ އިތުރުން އެ މުދަލަށް ބަދަލު ނުދެވޭނެކަމަށް މިނިސްޓްރީން އެންގި އެންގުމަކީ މި މައްސަލައިގައި އަވަހަށް ކޯޓު މެދުވެރިކޮށް ވަގުތީ ފަރުވާ ހޯދުމަށް ބޭނުންވާ ސަބަބުތަކެއް ކަމަށެވެ. ސަބަބަކީ، ވަގުތީ އަމުރަކުން މިކަން ނުހުއްޓުވައިފިނަމަ ގެއްލުންތަކެއް އިމްޕެކްސް ފިޝަރީޒަށް ކުރިމަތިވުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި އޮތުމެވެ.
16މި ކަންތަކަށް ރިޢާޔަތްކޮށް ހައިކޯޓުން ނިންމާފައިވަނީ އިމްޕެކްސް ފިޝަރީޒުން ސިވިލް ކޯޓަށް ހުށަހެޅި ފޯމުގައި ލިބޭނެ ގެއްލުމުގެ ގޮތުގައި ބަޔާންކޮށްފައިވާ ގެއްލުންތަކަކީ އިމްޕެކްސް ފިޝަރީޒަށް ކުރިމަތިވާނެ ގެއްލުންތަކެއް ކަމަށާއި، އެހެންކަމުން މިއީ އަވަސް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއް ކަމަށާއި، ސިވިލް ކޯޓުގެ އަމުރު ބާތިލުކުރެވޭނެ ޤާނޫނީ ހަމައެއް ނެތްކަމަށެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް
17ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް އިސްތިއުނާފުކޮށް ދައުލަތުގެ ފަރާތުން 4 ނުކުތާއެއް ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވ. އެއީ:
17.1. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243ވަނަ މާއްދާގެ (ށ) ގެ ދަށުން މައުޟޫޢީ މައްސަލައެއް ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދޭ ޙާލަތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ބަޔާންކޮށްފައިވާ 03 (ތިނެއް) ޝަރުޠު ތަޠްބީޤުވާނެ ކަމަށް ނިންމައި އެ ބަހުސާމެދު ގޮތެއް ކަނޑައަޅާފައިވަނީ، އެ ޝަރުޠުތައް އިމްޕެކްސް ފިޝަރީޒުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ފުރިހަމަވޭތޯ ނުވަތަ ނޫންތޯ އާ މެދު ދަށު ކޯޓުގައި ބަހުސްކުރެވިފައި ނުވާ ޙާލަތުގައި ކަމަށާއި، އެ ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ، ޤާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 32ވަނަ މާއްދާގެ (ހ) އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް ޝުޖާޢު ވ. ޔޫސުފް ރިޝާ ޤަޟިއްޔާގެ 69ވަނަ ނުކުތާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ؛
17.2. ވަގުތީ އަމުރަކީ އިކުއިޓަބަލް ރެމެޑީއެއް ކަމުގައިވާއިރު، އަދި އިކުއިޓީގެ ހަމަތަކުން ފަރުވާ ލިބުމަށް އެދި ހުށަހަޅާ ފަރާތަކީ ސާފު އަތަކާ އެކީގައި ހުންނަ ފަރާތަކަށް ވާންޖެހޭއިރު، މި މައްސަލައިގައި މިނިސްޓްރީ އާއި އިމްޕެކްސް ފިޝަރީޒް ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގެ މަޤްޞަދު ކަމުގައިވާ ވެލިއު އެޑިޝަންގެ މަސައްކަތް އެ ފަރާތުން 15 (ފަނަރަ) އަހަރުވީއިރުވެސް ކޮށްފައިނުވުމަކީ އެ ފަރާތަށް ވަގުތީ އަމުރުގެ ފަރުވާ ލިބިދޭންނުޖެހޭ ސަބަބެއް ކަމުގައިވާއިރު، އަދި މިޙާލަތުގައި ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުނުވާނެކަން އެނގެން އޮތްއިރު، ދިވެހިރާއްޖޭގެ ހައިކޯޓުން އިމްޕެކްސް ފިޝަރީޒަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަން ބޮޑު ގޮތެއްގައި އޮތްތޯ ބެލުމުގައި ރިޢާޔަތްކޮށްފައިނުވާ ކަމަށާއި، އެފަދައިން ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ؛
17.3. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ވަގުތީ އަމުރެއް ނުނެރެފިނަމަ އިމްޕެކްސް ފިޝަރީޒަށް ގެއްލުންތަކެއް ލިބޭނެކަމަށް ކަނޑައަޅާފައިވަނީ އެ ގެއްލުންތަކަކީ އިޢާދަކުރެވިދާނެ ގެއްލުންތަކެއްތޯ ނުވަތަ ނޫންތޯ ވަޒަންކުރުމެއްނެތި ކަމުގައިވާތީ އެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށްބުނެ ހުށަހެޅި ނުކުތާ؛
17.4. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ދެމެހެއްޓުމަށް ނިންމާފައިވަނީ، މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243ވަނަ މާއްދާގެ (ށ) ގައި ހިމެނޭ 02 (ދޭއް) ޙާލަތުންކުރެ އެއްވެސް ޙާލަތެއް ވުޖޫދުވެފައިނުވާއިރު، އެ މާއްދާގައި ބަޔާންކޮށްފައިވާ މައުޟޫޢީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރެދިނުމުގައި ޢަމަލުކުރަންޖެހޭ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
18މަތީގައި ބަޔާންކުރެވުނު އިސްތިއުނާފީ ނުކުތާތައް ފާހަގަކުރުމަށްފަހު ދައުލަތުގެ ފަރާތުން އެދިފައިވަނީ، ސިވިލް ކޯޓުން ނެރެދީފައިވާ ޕްރީ-އެކްޝަން އިންޓަރިމް އިންޖަންކްޝަން ދެމެހެއްޓުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމެވުމަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިޔާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން ޤަޟިއްޔާއާއި މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 243ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ނިންމެވުމެއް ކަމަށް ކަނޑައަޅުއްދެއްވައި، އެ ނިންމުން ބާޠިލުކޮށްދެއްވައި، މި މައްސަލައިގައި ޕްރީ-އެކްޝަން ވަގުތީ އަމުރެއް ނެރެދެއްވަންޖެހޭ ޙާލަތެއް ނެތްކަމަށް ކަނޑައަޅުއްވައި މައްސަލަ ނިންމަވައިދެއްވުމަށެވެ. އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިންޕެކްސް ފިޝަރީޒްގެ ފަރާތުން ދެއްކި ވާހަކަ
19ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކުގެ ރައްދުގައި އިންޕެކްސް ފިޝަރީޒްގެ ފަރާތުން މައްސަލައިގެ ޖަވާބު ފޯމުގައި ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމެވެ.
19.1 އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ރައްދުގައި އިންޕެކްސް ފިޝަރީޒްގެ ފަރާތުން ފާހަގަކޮށްފައިވަނީ، ވަގުތީ އަމުރަކަށް އެދި އިންޕެކްސް ފިޝަރީޒުން ހުށަހެޅިއިރު، އެއީ މައުޟޫޢީ ދަޢުވާއެއް ކުރުމުގެ ކުރިން ނެރެދިނުމަށް އެދޭ ވަގުތީ އަމުރަކަށް ވާތީ، އެ ފަދަ ޙާލަތްތަކުގައި ނެކްސްބިޒް ޤަޟިއްޔާގައި ބުނާ ޝަރުތުތައް ފުރިހަމަވާން ނުޖެހޭނެކަމަށް އިންޕެކްސް ފިޝަރީޒުން ވަކާލާތުކޮށްފައިވާނެކަމަށެވެ. އިންޕެކްސް ފިޝަރީޒުން ހުށަހެޅި ވަގުތީ އަމުރަށް އެދޭ ފޯމުގެ 2.9ވަނަ ޕެރެގްރާފުގައި އޭގެ ތަފްސީލު ހިމަނާފައިވާނެކަމަށެވެ. އެ ހުށަހެޅުމަށް މިނިސްޓްރީން ދެކޮޅު ނުހަދާކަމަށާއި، އެހެންނަމަވެސް އިންޕެކްސް ފިޝަރީޒްގެ އެ ހުށަހެޅުން ދަށު ކޯޓުން ބަލައިގެންފައި ނުވާކަމަށް ބަލަންޖެހޭކަމަށެވެ.
19.1.1 އަދި އިންޕެކްސް ފިޝަރީޒުގެ ހުށަހެޅުން ބުނެވިދިޔަގޮތަށް އޮތްނަމަވެސް އަދި އެކަމަށް މިނިސްޓްރީން ދެކޮޅު ހަދާފައި ނުވިނަމަވެސް ނެކްސްބިޒް ޤަޟިއްޔާގައިވާ ޝަރުތުތަކަށް ދަށު ކޯޓުން ހަވާލާދީ، އެ ޝަރުތުތައް މި މައްސަލައަށް ތަޠްބީޤުކޮށްފައިވާ ކަމަށާއި، އެ ޝަރުތުތަކާ ހަވާލާދީ އެ ޝަރުތުތައް މި މައްސަލައަށް ތަޠްބީޤުވާގޮތް ދަށު ކޯޓުން ބަޔާންކޮށްފައިވަނީ ދަށު ކޯޓުގެ ނިންމުމުގެ 5 އަދި 6ވަނަ ޕެރެގްރާފުގައި ކަމަށާއި، އެހެންކަމުން އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ހައިކޯޓުން ނެކްސްބިޒް ޤަޟިއްޔާއަށް ހަވާލާދީފައިވަނީ ހައިކޯޓުގެ އަމިއްލަ އިސްނެގުމަށްކަމަށް ދެންނެވެން ނެތްކަމަށާއި، އަދި ކިއެއްތަ އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ހައިކޯޓުން ފާޑުކިޔާފައިވަނީ މައުޟޫޢީ ދަޢުވާއެއް ކުރުމުގެ ކުރިން ނެރެދިނުމަށް އެދޭ ވަގުތީ އަމުރަކާމެދު ގޮތެއް ނިންމާއިރު، ނެކްސްބިޒް ޤަޟިއްޔާގައި ބުނާ ޝަރުތުތައް އެ މައްސަލައެއްގައި ފުރިހަމަވޭތޯ ބަލަން ނުޖެހޭނެކަމަށް އިންޕެކްސް ފިޝަރީޒުން ދަށުކޯޓުގައި ކުރި ވަކާލާތަށް ކަމަށެވެ.
19.1.2 އަދި ހައިކޯޓުން މި ނުކުތާގައި ޚިޔާރުކުރީ ދަށު ކޯޓުންވެސް ޚިޔާރުކުރި މަގުކަމަށާއި، އެއީ ވަގުތީ ފަރުވާގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރެއް ނެރުމުގައި ކޯޓުން ބަލާ އުޞޫލީ ހަމަތައް ހުރިހާ ބާވަތްތަކެއްގެ ވަގުތީ އަމުރުތަކަކަށްވެސް ހިނގާނެކަމަށް ކަނޑައެޅުންކަމަށާއި، ދަށު ކޯޓުންވެސް ނެކްސްބިޒް ޤަޟިއްޔާގައިވާ އުޞޫލީ ޝަރުތުތަކަށް ހަވާލާދީ އެ ޝަރުތުތައް ތަޠުބީޤުކުރީ އެ ޝަރުތުތަކަށް ހަވާލާދޭން ނުޖެހޭނެކަމަށް ބުނެ އިންޕެކްސް ފިޝަރީޒުން ބަހުސެއް ހުށަހަޅާފައިވަނިކޮށް ކަމަށާއި، އެހެންކަމުން އެ ނުކުތާގައި އިންޕެކްސް ފިޝަރީޒުން ހުށަހެޅި ބަހުސާމެދު ވިސްނުމަށްފަހު ދަށު ކޯޓުން ގޮތެއް ނިންމަވާފައިވާކަމަށް ބަލަންޖެހޭ ކަމަށާއި، އަދި އެކަމާ ގުޅޭގޮތުން ދަށު ކޯޓުން އޭގެ ކުރިން ނިންމާފައިވާ ނިންމުންތަކާ ދުރަށް ދިޔައީ ކަމަށް ބަލަންޖެހޭ ކަމަށާއި، އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ހައިކޯޓުން ފާހަގަކޮށްފައިވާ ނުކުތާތަކުން ދޭހަވަނީ، ދަށު ކޯޓުގެ ނިންމުމަށް އިތުރަށް ބާރުދީފައިވާކަމަށެވެ.
19.1.3 އެހެންކަމުން، މި ނުކުތާގައި އިސްތިއުނާފުކުރެވޭ ޤަޟިއްޔާގެ ނިންމުމަކީ ކޯޓުތަކުގެ ޤާނޫނުގެ 32ވަނަ މާއްދާގެ (ހ) އާ ޚިލާފު ނިންމުމެއްކަމަށް ނުދެކޭ ކަމަށާއި، އަދި އެއީ އިސްމާޢީލް ޝުޖާޢު ޤަޟިއްޔާގެ 69ވަނަ ޕެރެގްރާފުގައި ބުނާ ފަދައިން މައްސަލަ ބެލުމުގެ ތެރެއިން ފަނޑިޔާރަށް ފާހަގަވި ފާޅުކަން ބޮޑު ޤާނޫނީ ނުކުތާއަކާމެދު ޚަޞްމުންގެ ބަހެއް ނުހޯދައި ގޮތް ނިންމުންކަމަށްވެސް ބެލެވޭކަށް ނެތްކަމަށެވެ.
19.1.4 އަދި އެހެންނަމަވެސް ބަހުސްގެ ބޭނުމަށް މި ނުކުތާގައި އިސްތިއުނާފުކުރެވޭ ޤަޟިއްޔާ ނިންމުމުގައި ކޯޓުތަކުގެ ޤާނޫނުގެ 32ވަނަ މާއްދާގެ (ހ) އާއި އިސްމާޢީލް ޝުޖާޢު ޤަޟިއްޔާގެ 69ވަނަ ޕެރެގްރާފުގައި ބުނާ އުޞޫލާ ހައިކޯޓުން ޚިލާފުވެފައިވާކަމަށް ބެލިނަމަވެސް، އެ ސަބަބަށް ބަރޯސާވެގެން މިނިސްޓްރީން އެދިފައިވާ ފަރުވާ މިނިސްޓްރީއަށް ލިބިދޭންޖެހޭނެކަމަށް އިންޕެކްސް ފިޝަރީޒުން ނުދެކޭ ކަމަށާއި، ހައިކޯޓުން މައްސަލަ ބެލުމުގައި ދަށު ކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސަކަށް ބަލާފައި ނުވާނަމަ، ނުވަތަ ހައިކޯޓުގެ އިސްނެގުމުގައި ވަކި ނުކުތާއަކާމެދު ގޮތެއް ކަނޑައެޅުމުގެ ކުރިން ޚަޞްމުންގެ ބަހެއް ހޯދާފައިނުވާނަމަ، އެކަމަށް އެންމެ އެކަށީގެންވާ ފަރުވާއަކީ ހައިކޯޓުގެ ޤަޟިއްޔާ ބާޠިލުކުރުމެއް ނޫންކަމަށާއި، އެކަމަށް އެންމެ އެކަށީގެންވާ ފަރުވާއަކީ ކޯޓުތަކުގެ ޤާނޫނުގެ 18ވަނަ މާއްދާގެ (ށ) ގެ ދަށުން އެ މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަހުވީލުކުރުންކަމަށެވެ.
19.2 އިސްތިއުނާފީ ދެވަނަ ނުކުތާގެ ރައްދުގައި އިންޕެކްސް ފިޝަރީޒުގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި ނުކުތާއަކީވެސް ފުރަތަމަ ނުކުތާއާ ކޮންމެވެސް މިންވަރަކަށް ގުޅުންހުރި ނުކުތާއެއް ކަމަށާއި، މި ނުކުތާގައި މިނިސްޓްރީން އިފުތިރާޟުކުރަނީ ނެކްސްބިޒް ޤަޟިއްޔާއާ ހަވާލާދީ ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމަކީ ދަށު ކޯޓުގައި ގޮތެއް ކަނޑައަޅާފައިނުވާ ކަންކަމުގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް ފުރަތަމަ ނުކުތާގެ ޖަވާބުގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ނެކްސްބިޒް ޤަޟިއްޔާއާ ގުޅޭގޮތުން އިންޕެކްސް ފިޝަރީޒުން ދަށު ކޯޓަށް ހުށަހެޅި ބަހުސް ދަށު ކޯޓުން ބަލައި ނުގަނެ، ނެކްސްބިޒް ޤަޟިއްޔާގައިވާ ޝަރުތުތައް ތަޠުބީޤުކޮށްފައިވާ ކަމަށާއި، އެހެންކަމުން އެ ޝަރުތުތަކާ ގުޅޭގޮތުން ހައިކޯޓަށް ގޮތެއް ކަނޑައެޅޭނެކަމަށެވެ.
19.2.1 އަދި ދެން އޮތީ ނެކްސްބިޒް ޤަޟިއްޔާގައި ބުނާފަދަ ޤާނޫނީ ގޮތުން އިންޕެކްސް ފިޝަރީޒަށް ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވޭތޯ ބެލުން ކަމަށާއި، މިނިސްޓްރީން އެއްބަސްވުން ބާތިލުކުރުމުގެ ކުރިން ދިންކަމަށް ބުނާ ރެކްޓިފިކޭޝަން ނޯޓިސް ދިން ދުވަހާއި، ވަގުތާއި، ރަނގަޅުކުރަންޖެހޭކަމަށް މިނިސްޓްރީން ދެކޭ ކަންކަން ބަޔާންކޮށްފައި ނުވުމާއި، އެ ކަމަށް ދިން މުއްދަތާ މި ހުރިހާ ކަމަކަށް އިޖުމާލީކޮށް ވިސްނައިލުމުން، މިނިސްޓްރީގެ ގަސްތަކީ ބަހަނާއެއް ދެއްކުމަށްފަހު ކުލީގެ އެއްބަސްވުން ބާތިލުކުރުންކަން ސާފުކަމަށާއި، އެހެން ނޫންނަމަ އިންސްޕެކްޝަން ދަތުރެއް ކުރުމަށްފަހު އެ ދަތުރުން ފާހަގަވި ކަންކަމާ ގުޅިގެން ކަންތައްތަކެއް އިސްލާހުކުރުމަށް އެންގުމަށްޓަކައި 7 މަހަށްވުރެ ގިނަ ދުވަސް ނަގަންވީ ސަބަބެއް ނެތްކަމަށާއި، އަދި ކަމެއް އިސްލާހުކުރުމަށް ދޭ ނޯޓިހެއްގައި އިސްލާހުކޮށް ރަނގަޅުކުރާންވީ ކޮން ކަމެއްކަން ބަޔާންނުކުރާންވީ ސަބަބެއް އަމުދުން ނެތްކަމަށެވެ.
19.2.2 ހަމައެއާއެކު، އިންޕެކްސް ފިޝަރީޒުގެ އަގުހުރި އަދި ފަސޭހައިން ގެންދެވެން ނެތް މުދާ މިނާވަރުގައި ހުއްޓައި، 14 ދުވަހުގެ ތެރޭގައި އެ ތަކެތި ރަށުން ހުސްކުރުމަށާއި، އެ މުއްދަތުގެ ތެރޭގައި އެ ތަކެތި ހުސްނުކޮށްފިނަމަ މިނިސްޓްރީއަށް ފެންނަ ގޮތަކަށް އެ ތަކެއްޗާމެދު އަމަލުކުރާނެކަމަށް ބުނުމަކީވެސް ސީރިއަސް ނަތީޖާތަކެއް ނުކުންނާނެ ކަމެއް ކަމަށާއި، ކުލީގެ އެއްބަސްވުން ބާތިލުކުރި ކުރުމާއި، ކުރި ގޮތަށްވެސް އިންޕެކްސް ފިޝަރީޒުން ޠަޢުނުކުރާކަމަށާއި، މި ޚުޞޫމާތް ފެށުނީއްސުރެ އިންޕެކްސް ފިޝަރީޒުން ގެންދިޔައީ އެކަމަށް ޠަޢުނުކުރަމުން ކަމަށާއި، ކުލީގެ އެއްބަސްވުން ބާތިލުކުރުމާމެދު އިންޕެކްސް ފިޝަރީޒުން ދެކޮޅު ހަދަމުން ދާއިރު، އަދި އޭގެ ނަތީޖާއެއްގެ ގޮތުން އިންޕެކްސް ފިޝަރީޒުގެ މުދަލަށް މިނިސްޓްރީން ބޭނުން ގޮތެއް ހެދުމުގެ ފުރުސަތު އޮތްއިރު، އެ ޚުޞޫމާތް ކޯޓަށް ހުށަހަޅައި އެކަމާމެދު ގޮތެއް ކަނޑައެޅެންދެން އެހާތަނަށް އޮތް ހާލަތު ނުވަތަ ސްޓޭޓަސް ކުއޯ ދެމެހެއްޓުމަކީ ޢަދާލަތުގެ ހަމަތަކުން ވިސްނާއިރު އެންމެ އިންސާފުވެރި ގޮތަކަށް ނުވޭތޯއެވެ؟
19.2.3 އަދި މި ނުކުތާގައި މިނިސްޓްރީން މުޅިންވެސް ދިފާއުކުރަނީ މިނިސްޓްރީން ކުލީގެ އެއްބަސްވުން ބާތިލުކުރި ގޮތްކަމަށާއި، އަދި އެކަމުގައި އޮތް ޤާނޫނީ ބަހުސްކަމަށާއި، އިންޕެކްސް ފިޝަރީޒުން ވެފައިވާކަމަށް މިނިސްޓްރީން ދެކޭ ޚިލާފަކީ ޖައުހަރީ ޚިލާފެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ މައުޟޫޢީ ދަޢުވާއަށް ދޫކޮށްލަންޖެހޭ ކަމެއް ކަމަށާއި، މި މައްސަލައިގެ ތެރެއިން، މި ކޯޓުގެ ކުރިމަތީގައި އެ ބަހުސް ހުޅުވައެއް ނުލެވޭނެކަމަށާއި، ދަށު ކޯޓުން އިންޕެކްސް ފިޝަރީޒަށް ދިނީ ވަގުތީ ފަރުވާއެއް ކަމަށާއި، އެއީ މައުޟޫޢީ މައްސަލައިގައި ގޮތެއް ކަނޑައަޅަންދެން ދިން ފަރުވާއެއް ކަމަށާއި، ދަށު ކޯޓަށްވެސް، އަދި ހައިކޯޓަށްވެސް އެ ނިންމުމަށް ވާސިލުވެވުނީ މި ޚުޞޫމާތާމެދު ގޮތެއް ނިމެންދެން އެ ހިނދަށް އޮތް ސްޓޭޓަސް ކުއޯ ދަމަހައްޓަން ޖެހޭނެކަމަށް ބެލިގެން ކަމަށެވެ.
19.3 އިސްތިއުނާފީ ތިންވަނަ ނުކުތާގެ ރައްދުގައި އިންޕެކްސް ފިޝަރީޒުގެ ފަރާތުން ފާހަގަކޮށްފައިވަނީ، މި ނުކުތާއަކީވެސް ފުރަތަމަ ނުކުތާއާ ކޮންމެވެސް މިންވަރަކަށް ގުޅުންހުރި ނުކުތާއެއް ކަމަށާއި، މި ނުކުތާގައިވެސް މިނިސްޓްރީން އިފްތިރާޟްކުރަނީ ނެކްސްބިޒް ޤަޟިއްޔާއާ ހަވާލާދީ ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމަކީ ދަށު ކޯޓުގައި ގޮތެއް ކަނޑައަޅާފައިނުވާ ކަންކަމުގެ ގޮތުގައި ކަމަށާއި، އެހެންނަމަވެސް ފުރަތަމަ ނުކުތާގެ ޖަވާބުގައިވެސް ބަޔާންކޮށްފައިވާ ފަދައިން، ނެކްސްބިޒް ޤަޟިއްޔާއާ ގުޅޭގޮތުން އިންޕެކްސް ފިޝަރީޒުން ދަށު ކޯޓަށް ހުށަހެޅި ބަހުސް ދަށު ކޯޓުން ބަލައި ނުގެން، ނެކްސްބިޒް ޤަޟިއްޔާގައިވާ ޝަރުތުތައް ތަޠްބީޤުކޮށްފައިވާކަމަށާއި، އެހެންކަމުން އެ ޝަރުތުތަކާ ގުޅޭގޮތުން ހައިކޯޓަށް ގޮތެއް ކަނޑައެޅޭނެ ކަމަށެވެ.
19.3.1 އަދި މި ނުކުތާ މިނިސްޓްރީއަށް ފަހުމުވެފައިވަނީ ރަނގަޅަށް ކަމަށް ނުބެލެވޭ ކަމަށާއި، ވަގުތީ އަމުރު ނެރުމުގައި އިއާދަނުކުރެވޭނެ ގެއްލުމެއް ލިބިދާނެތޯ ބެލުމާއި، ބެލެންސް އޮފް ކޮންވީނިއެންސްގެ ވާހަކަ ހައިކޯޓުން ބަޔާންކޮށްފައިވަނީ އެ އުޞޫލުތަކުގެ ކުރު ތަޢާރަފަކާ އެކުގައި ކަމަށާއި، ބޭނުމަކީ ވަގުތީ އަމުރާގުޅޭ މައްސަލަތަކުގައި ހިމެނޭ އުޞޫލުތައް ކޮންމެވެސް ވަރަކަށް ބަޔާންކުރުން ކަމަށާއި، އެކަން ބަޔާންކުރުމާއެކު ހައިކޯޓުން ފާހަގަކުރީ ވަގުތީ އަމުރު ނުނެރެފިނަމަ އިންޕެކްސް ފިޝަރީޒަށް ގެއްލުންތަކެއް ވާނެކަމަށް ދަށު ކޯޓުން ޤަބޫލުކޮށްފައި އޮތްކަމަށް ބެލެވޭ ކަމަށާއި، އެހެންނަމަވެސް، އެކަން ވަޒަންކުރި ގޮތް ޠަޢުނުކޮށް މިނިސްޓްރީން އިސްތިއުނާފުކޮށްފައެއް ނުވާކަމަށާއި، އެހެންކަމުން ހައިކޯޓުން މި ނުކުތާގައި ވަކި ގޮތެއް ކަނޑައަޅާފައި ނުވާކަމަށެވެ.
19.3.2 އަދި މިނިސްޓްރީން އެ ނުކުތާ އިސްތިއުނާފުނުކޮށް، މިހާރު ސުޕްރީމް ކޯޓުގައި އެ ނުކުތާއާމެދު ވާހަކަ ދެއްކިދާނެކަމަށް ޤަބޫލުނުކުރާކަމަށާއި، އެއީ އެކަމަށް އޮތް އިސްތިސްނާ ކަމަށްވާ ސުޕްރީމް ކޯޓުގެ ކަފޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓްމްސް ސަރވިސް ޤަޞިއްޔާގެ 10ވަނަ ޕެރެގްރާފުގައި ބުނާ އިސްތިސްނާވެސް މި ނުކުތާގެ މައްޗަށް ތަޠުބީޤެއް ނުކުރެވޭނެ ކަމަށާއި، ސަބަބަކީ މި ނުކުތާގައި ހައިކޯޓުން ވަކި ގޮތެއް ކަނޑައަޅާފައި ނުވާތީ ކަމަށާއި، ހައިކޯޓުން ހަމައެކަނި ފާހަގަކޮށްފައިވަނީ އެ ނުކުތާއާ ގުޅޭގޮތުން އިންޕެކްސް ފިޝަރީޒުން ހުށަހެޅި ހުށަހެޅުމާއި، އެ ހުށަހެޅުން ދަށު ކޯޓުން ބަލައިގެންފައި އޮތްކަމަށް ޤަބޫލުކުރެވޭކަމަށާއި، އެ ނިންމުން ރަނގަޅުތޯ ނުވަތަ ނޫންތޯވެސް ހައިކޯޓުން ބަޔާނެއް ނުކުރާކަމަށާއި، ހައިކޯޓުން ދުށް ގޮތުގައި އެ ނިންމުން ރަނގަޅުތޯ ބަޔާންކުރާކަށް ނުވެސް ޖެހޭކަމަށާއި، ސަބަބަކީ މިނިސްޓްރީން އެ ނުކުތާ އިސްތިއުނާފު ނުކުރާތީކަމަށެވެ.
19.3.3 އަދި ބެލެންސް އޮފް ކޮންވީނިއެންސްއާ ގުޅޭގޮތުންވެސް ހައިކޯޓުން ނިންމާފައިވަނީ ހަމަ މިމޭރުމުން ކަމަށާއި، ބެލެންސް އޮފް ކޮންވީނިއެންސަކީ ކޮބައިކަން ބަޔާންކުރުމަށްފަހު ހައިކޯޓުން ފާހަގަކުރީ، މި މައްސަލައިގައި ބެލެންސް އޮފް ކޮންވީނިއެންސް ދަށު ކޯޓުން ވަޒަންކުރި ގޮތާމެދު މިނިސްޓްރީން ހައިކޯޓުގައި ޠަޢުނުކޮށް އިސްތިއުނާފީ ނުކުތާއެއް ހުށަހަޅާފައި ނެތްކަމަށާއި، އެހެންކަމުން ހައިކޯޓުން މި ނުކުތާގައި ވަކި ގޮތެއް ކަނޑައަޅާފައެއް ނުވާކަމަށާއި، މިނިސްޓްރީން އެ ނުކުތާ އިސްތިއުނާފު ނުކޮށް، މިހާރު ސުޕްރީމް ކޯޓުގައި އެ ނުކުތާއާމެދު ވާހަކަ ދެއްކިދާނެކަމަށް ޤަބޫލެއް ނުކުރާކަމަށާއި، ކުރިންވެސް ފާހަގަކުރި ފަދައިން ހައިކޯޓުން އެ ނުކުތާގައި ވަކި ގޮތެއް ކަނޑައަޅާފައިނުވާތީ، ކަޕޫރުﷲ ޤަޝިއްޔާގައި ބަޔާންކުރާ އިސްތިސްނާ މިޙާލަތުގައި ތަޠުބީޤުކުރެވޭކަށް ނޯންނާނެކަމަށެވެ.
19.4 އިސްތިއުނާފީ ހަތަރުވަނަ ނުކުތާގެ ރައްދުގައި އިންޕެކްސް ފިޝަރީޒުގެ ފަރާތުން ފާހަގަކޮށްފައިވަނީ، ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭނީ 2 ޝަރުތަކަށް ކަމަށާއި، އެ ދެ ޝަރުތަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައަކަށް ވުމާއި، އިންސާފު ޤާއިމުކުރުމަށްޓަކައި އަމުރު ނެރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވުން ކަމަށެވެ.
19.4.1 އަދި އަވަހަށް ނިންމަންޖެހޭ މައްސަލައެއްތޯ ނުވަތަ urgency އެއް އޮތްތޯ ބެލުމުގައި ދަށު ކޯޓުން ހަވާލާދީފައިވަނީ ސަބްޖެކްޓިވްކޮށް، އެ މުޢާމަލާތުގައި ކަންހިނގާފައިވާ ގޮތަށް ކަމަށާއި، އަދި ވަށައިގެންވާ ހުރިހާ ކަމަކަށް ދަށު ކޯޓުން ބަލާފައިވާކަން ދެ ފަރާތުގެ ހުށަހެޅުންތައް ތަފްސީލުކޮށް ލިޔެ ބަޔާންކޮށްފައި އޮތުމުން އެނގޭ ކަމަށާއި، ދަށު ކޯޓުގެ ނިންމެވުން ބިނާކޮށްފައިވަނީ ހުށަހެޅިފައިވާ ޚުޞޫމާތުގެ ފަސްފަހަތާއި، ޚުޞޫމާތުގެ އެންމެ ޖައުހަރީ ވާޤިޢާތަކާއި، ޚަޞްމުންގެ މެދުގައި ބަދަލުކުރެވިފައިވާ މުޢާމަލާތުތަކާއި، އެ މުޢާމަލާތުތަކުގައި ބަޔާންކުރާ ޢިބާރާތްތަކާއި އެ ޢިބާރާތްތަކުން ދޭހަކުރެވޭ ނިޔަތާއި ގަސްތުތަކާއި، މިނިސްޓްރީގެ ފަރާތުން ނިންމާފައިވާ ނިންމުން އަދި އެ ނިންމުން ތަންފީޒުކުރުމުގައި ޢަމަލުކުރެވޭނެކަމަށް މިނިސްޓްރީގެ ފަރާތުން ކަނޑައެޅި އުޞޫލުތަކަށް ފުރަތަމަ ނަޒަރުގެ މިންގަނޑު (prima facie) ން ވަޒަންކޮށްގެން ކަމަށާއި، އެ ހުރިހާ ކަމަކަށް ބެލުމަށްފަހު ކޯޓަށް ޤަބޫލުކުރެވުނީ ޢަދުލު އިންސާފު ޤާއިމުކުރުމަށްޓަކައި މި މައްސަލައިގައި ކޯޓުން މައުޟޫޢީގޮތުން ގޮތެއް ކަނޑައެޅުމުގެ ކުރިއަށް ވަގުތީ ފަރުވާއެއް ދިނުން މުހިންމު ކަމަށާއި، ނުވަތަ status quo ދެމެހެއްޓުން މުހިންމު ކަމަށާއި، ދަށު ކޯޓުގެ ނިންމުމުގެ ޕެރެގްރާފް 7 ން އެކަން ސާފުވެގެންދާކަމަށެވެ.
19.4.2 އަދި، މިނިސްޓްރީން ދެން ފާހަގަކުރަނީ، މި ނުކުތާގައި ހައިކޯޓުން ނިންމި ނިންމުންކަމަށާއި، މި ނުކުތާގައި ހައިކޯޓުން ނިންމި ނިންމުމުގައި މިނިސްޓްރީން ދިން ނޯޓިހުގައިވާ މުއްދަތުގައި އިންޕެކްސް ފިޝަރީޒުގެ ތަކެތި މިނާވަރުން ހުސްނުކޮށްފިނަމަ، މިނިސްޓްރީއަށް ފެންނަ ގޮތަކަށް އެ ތަކެއްޗާމެދު ޢަމަލުކުރާނެކަމަށް ބުނެފައި އޮތް އޮތުމާ ހަވާލާދީފައިވާކަމަށާއި، މިނިސްޓްރީން ބުނާ ގޮތުން، މިއީ ދެ ފަރާތުގެ ދެމެދުގައި އޮތް ޚުޞޫމާތެއް ނޫން ކަމަށާއި، މިނިސްޓްރީން ދެކޭ ގޮތުގައި މިއީ ހަމައެކަނި ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ ނަތީޖާ ކަމަށާއި، އިޙްތިރާމާއެކު ދަންނަވަންޖެހޭނީ، މި ދެ ކަންތައް ވަކި ނުކުރެވޭނެކަމަށާއި، އެގްރީމެންޓެއް ބާތިލުކޮށްފިނަމަ، އޭގެ ނަތީޖާއާ އެ އެގްރީމެންޓެއްގެ ބައިވެރިން ކުރިމަތިލާންޖެހޭނެ ކަމަށާއި، ނަމަވެސް އެގްރީމެންޓެއް ބާތިލުކުރި ކުރުމާމެދު އެއް ފަރާތުން ޠަޢުނުކުރާއިރު، އެގްރީމެންޓު ބާތިލުކުރުމުގެ ނަތީޖާއާ ކުރު މުއްދަތެއްގައި ކުރިމަތިލާންޖެހޭނަމަ، އެގްރީމެންޓު ބާތިލުކުރި ކުރުމާމެދު އޮތް ޚިލާފަށް ގޮތެއް ކަނޑައެޅެންދެން ބުނެވިދިޔަ ނަތީޖާއާ ކުރިމަތިލާން ޖެހުމަކީ އިންސާފުވެރި ގޮތަކަށް ނުވެދާނެކަމަށާއި، އެ ޙާލަތުގައި އެންމެ ރަނގަޅު ގޮތަކަށްވާނީ އިހު އޮތް ޙާލަތު ދެމެހެއްޓުން ކަމަށާއި، އިސްތިއުނާފުކުރެވޭ ޤަޟިއްޔާގައި ހައިކޯޓުން ހަވާލާދޭ ވާހަކައަކީ މިއީ ކަމަށެވެ.
19.4.3 އަދި، މިނިސްޓްރީން މި ނުކުތާގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މައުޟޫޢީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިއަށްވިޔަސް އަދި ދަޢުވާގެ ތެރެއިން ވިޔަސް އެއްވެސް ޚަޞްމަކަށް ވަގުތީ ފަރުވާއެއް ލިބިދެވޭން ޖެހޭކަމަށް މިނިސްޓްރީން ޤަބޫލުކުރާ ކަމަކަށް ނުބެލެވޭކަމަށާއި، މި މައްސަލައިގައިވެސް މިނިސްޓްރީން ބުނާ ގޮތުން އިންޕެކްސް ފިޝަރީޒަށް ލިބޭނެކަމަށް ބުނާ ގެއްލުމަކީ އަގުކުރެވޭނެ ގެއްލުމެއް ކަމަށާއި، މި އުޞޫލުން ބަލާއިރު އަގު ނުކުރެވޭނެ، ވަޒަން ނުކުރެވޭނެ ވިޔަފާރީގެ އެއްވެސް މުޢާމަލާތެއް ނޯންނާނެކަމަށާއި، އެހެން ނަމަވެސް، ބައެއް ފަހަރު މި ފަދަ ވަގުތީ އަމުރުތައް ނެރެދޭންޖެހެނީ ހަމައެކަނި މިކަމާ ގުޅުވައިގެނެއް ނޫން ކަމަށާއި، އެ ފަދަ އަމުރުތައް ނެރުމުގައި ސަބްޖެކްޓިވްކޮށް އެތައް ކަމަކަށް ބަލައި ވިސްނަންޖެހޭކަމަށެވެ.
19.4.4 އަދި، ހައިކޯޓުންވެސް ފާހަގަކޮށްފައިވާ ފަދައިން، ވަގުތީ އަމުރު ނެރުމުގައި ގެއްލުން ވަޒަންކުރުމަށް އިސްކަންދޭންޖެހޭ ކަމަށާއި، މިޙާލަތަށް ބަލާއިރު މިނިސްޓްރީއަށް ލިބިދާނެކަމަށް ބުނާ ގެއްލުމަކީ ރަށުން އިޤްތިޞާދީ މަންފާ ނުލިބުންކަމަށާއި، މިއީ ތެދު ވާހަކައެއް ނޫންކަމަށާއި، މިނާވަރާ ގުޅޭ ގޮތުން މިނިސްޓްރީއަށް ލިބޭ މުޤާބިލަކީ ރަށުގެ ކުލިކަމަށާއި، މިނާވަރު ބޭނުންކުރާ މުއްދަތަށް އިންޕެކްސް ފިޝަރީޒުން ގެންދިޔައީ މިނިސްޓްރީއަށް ކުލި ދައްކަމުން ކަމަށާއި، ވަގުތީ އަމުރު ނެރުނުއިރުވެސް އޮތީ އެޑްވާންސްކޮށް ކުލި ދައްކާފައި ކަމަށާއި، އޭގެ ފަހުންވެސް އިންޕެކްސް ފިޝަރީޒުން ގެންދަނީ ބަރާބަރަށް ކުލި ދައްކަމުން ކަމަށާއި، އޭގެ ބަދަލުގައި ކުލީގެ އެއްބަސްވުން ބާތިލުކުރުމުގެ ނަތީޖާއެއްގެ ގޮތުން އިންޕެކްސް ފިޝަރީޒަށް މާ ބުރަބޮޑު، މާ ބޮޑެތި ގެއްލުންތަކާއި ތަކުލީފުތައް އުފުލަންޖެހޭނެކަމަށާއި، އޭގެ ތަފްސީލު ބަޔާންކޮށްފައިވާނެކަމަށާއި، މި ޙާލަތުގައި އިސްކަންދޭންޖެހޭނީ ގެއްލުންތައް ވަޒަންކޮށް ޙާލަތު ދެމެހެއްޓުމަށް ކަމަށެވެ.
19.4.5 އަދި، ގެއްލުން ހިސާބުކުރެވޭނެ ކަމަށް ބުނެ މިނިސްޓްރީން ދައްކާފައިވާ ގިނަ ވާހަކަތަކަކީ ވަރަށް އާޚިރު ނަތީޖާތަކެއްގެ ވާހަކައެއް ކަމަށާއި، އެއީ މައުޟޫޢީ މައްސަލައިގައި ވިސްނުން ބަހައްޓަންޖެހޭނެ ކަންކަން ކަމަށާއި، އެ މިންވަރަށް ފުންކޮށް މައްސަލައިގެ ތެރެއަށް ފީނަން ވެއްޖެނަމަ އެއްވެސް ޚަޞްމަކަށް ވަގުތީ ފަރުވާއެއްގެ ރައްކާތެރިކަން ލިބުމަކީ ދުރުކަމެއް ކަމަށާއި، މިއީ ހެކިތަކަށް އެންމެ ފުނަށް ފީނަންޖެހޭ މަރުޙަލާ ނޫންކަން މިނިސްޓްރީއަށް ހަނދާން ނެތިފައިވާ ކަހަލަކަމަށާއި، މި މަރުޙަލާގައި އެންމެ އިސްކަމެއް ދޭންޖެހޭނީ ފުރަތަމަ ބަލާ ބެލުމުން ގެއްލުން ވަޒަންކުރުމާއެކު، ހާލަތު ދެމެހެއްޓުމަށް ކަމަށާއި، އެ މޭރުމުން ހައިކޯޓުން ނިންމާފައިވާ ނިންމުމުގައި އެއްވެސް ގޯހެއް ނެތްކަމަށެވެ.
އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވާގޮތް
20މި ކަންކަން ފާހަގަކުރުމަށްފަހު، އިންޕެކްސް ފިޝަރީޒުން އެދިފައިވަނީ، އިސްތިއުނާފުކުރެވޭ ޤަޟިއްޔާއަކީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނިންމާފައިވާ ޤަޟިއްޔާއެއް ކަމަށް ކަނޑައަޅުއްވައިދެއްވައި، އެ ޤަޟިއްޔާގެ ޙުކުމް ދަމަހައްޓައިދެއްވައި، މި މައްސަލަ ނިންމަވައިދެއްވުމަށް ނުވަތަ، ހައިކޯޓުން މައްސަލަ ބެލުމުގައި ދަށު ކޯޓަށް ހުށަހެޅި ހެކިތަކާއި ދިފާޢުތައް އަސާސަކަށް ބަލާފައި ނުވާކަމަށް މި ޢިއްޒަތްތެރި ކޯޓުން ނިންމަވާނަމަ، ދަށުކޯޓުގެ ޤަޟިއްޔާގެ ނިންމުން ދެމެހެއްޓުމާއެކު، ކޯޓުތަކުގެ ޤާނޫނުގެ 18ވަނަ މާއްދާގެ
(ށ) ގެ ދަށުން މި މައްސަލަ އަލުން ބެލުމަށް ހައިކޯޓަށް ތަޙުވީލުކޮށްދެއްވުމަށެވެ.
21ކުރިމަތީގައިވާ މައްސަލައަކީ، މަދަނީ އިޖުރާއަތުގެ ޤާނޫނު7ގެ 242ވަނަ މާއްދާގެ (ށ) ގެ (1)، (2) އަދި (6) ވަނަ ނަންބަރުގެ ދަށުން ވަގުތީ އަމުރަކަށް އެދި އިމްޕެކްސް ފިޝަރީޒުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން، މަދަނީ އިޖުރާއަތުގެ ޤާނޫނު8ގެ 243ވަނަ މާއްދާގެ ދަށުން އެ ކޯޓުން ނެރެދީފައިވާ ވަގުތީ އަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކުރުމާ ގުޅިގެން މި ކޯޓަށް ހުށަހެޅިފައިވާ އިސްތިއުނާފީ މައްސަލައެވެ.
22މަދަނީ އިޖުރާއަތުގެ ޤާނޫނު9ގެ 242ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ ވަގުތީ އަމުރުގެ ގޮތުގައި ނެރެވިދާނެ ބާވަތްތަކުގެ އަމުރުތަކެވެ. އެގޮތުން (1) ވަނަ ނަންބަރުގައިވަނީ، ވަކި ކަމެއް ކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް؛ އަދި (2) ވަނަ ނަންބަރުގައިވަނީ ވަކި ކަމެއް ނުކުރުމަށް އަންގައި ކުރާ ވަގުތީ އަމުރެއް؛ އަދި (6) ވަނަ ނަންބަރުގައިވަނީ މުދަލުން ތަޞައްރުފުކުރުން ހުއްޓުވުމުގެ އަމުރެއް؛ އެވެ.
23މަދަނީ އިޖުރާއާތުގެ ޤާނޫނު10ގެ 243ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ. ވަގުތީ އަމުރަށް އެދޭ ވަގުތު 243 (ހ) އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، ކޮންމެ ވަގުތެއްގައިވެސް މި ބާބުގައި ބަޔާންކޮށްފައިވާ ފަދަ ވަގުތީ އަމުރަކަށް ކޯޓުގައި އެދެވިދާނެއެވެ. އެގޮތުން، ދަޢުވާގެ ޝަރީޢަތްތައް ފެށުމުގެ ކުރިން، ނުވަތަ ދަޢުވާގެ ޙުކުމްކުރުމަށްފަހުގައިވެސް، ވަގުތީ އަމުރެއް ނެރެވިދާނެއެވެ.
(ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، އެހެން ޤާނޫނެއްގައި އެހެންގޮތަކަށް ބަޔާންކޮށްފައިނުވާހާހިނދަކު، ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދޭންވާނީ، ހުށަހެޅިފައިވާ މައްސަލައަކީ އަވަހަށް ފިޔަވަޅުއަޅަންޖެހޭ ބާވަތުގެ މައްސަލައެއް ނުވަތަ އެ މައްސަލައިގައި ވަގުތީ
7. ޤާނޫނު ނަންބަރު 32/2021
8. އިބިމ.
9. އިބިމ.
10. އިބިމ. އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ވާނަމައެވެ.
(ނ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ކޯޓުން އެނޫންގޮތަކަށް ކަނޑަނާޅާހާހިނދަކު، ދަޢުވާލިބޭ ފަރާތަށް ވަގުތީ އަމުރަކަށް އެދި ކޯޓަށް ހުށަހެޅޭނީ، ދަޢުވާގެ ދިފާޢު ހުށަހެޅުމަށްފަހުގައި ނުވަތަ ދަޢުވާ ފޯމާ ޙަވާލުވިކަން އަންގާ ލިޔުން ހުށަހެޅުމަށްފަހުގައެވެ.
(ރ) އަޑުއެހުންތައް ފެށުމުގެ ކުރިން ކޯޓުން ވަގުތީ އަމުރެއް ނެރެދީފިނަމަ، މައްސަލައިގެ އަޑުއެހުންތައް ފެށުމާގުޅޭ އިރުޝާދު ކޯޓުން ދޭންވާނެއެވެ. އަދި އެ ތާރީޚުން ފެށިގެން 1 (އެކެއް) މަސްދުވަހަށްވުރެ ދިގުނޫން މުއްދަތެއްގެ ތެރޭގައި މައްސަލައިގެ އަޑުއެހުންތައް ފެށުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުރުމަށް ކޯޓުން އިރުޝާދު ދޭންވާނެއެވެ.
24HN1މަދަނީ އިޖުރާއަތުގެ ޤާނޫނު ގެ 243ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން، އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައިނުވާހާ ހިނދަކު، އެ ޤާނޫނުގެ ބާވީސްވަނަ ބާބުގައި ބަޔާންކޮށްފައިވާ ފަދަ ވަގުތީ އަމުރަކަށް ކޮންމެ ވަގުތެއްގައިވެސް އެދެވިދާނެއެވެ. އަދި ދަޢުވާގެ ޝަރީޢަތް ފެށުމުގެ ކުރިން ނުވަތަ ދަޢުވާގެ ޙުކުމް ކުރުމަށްފަހުވެސް ވަގުތީ އަމުރެއް ނެރެވިދާނެއެވެ. އިމްޕެކްސް ފިޝަރީޒުގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ މައުޟޫޢީ ދަޢުވާ އެ ކޯޓަށް ހުށަހެޅުމުގެ ކުރިންނެވެ. މިތަނުގައި ވިސްނާލަންޖެހޭ ކަމަކީ މަދަނީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާގެ އަމުރެއް ނެރުމުގައި ފަނޑިޔާރަށް ލިބިފައިވާ އިޚްތިޔާރީ ބާރު ބޭނުންކޮށް ވަގުތީ އަމުރެއް ނެރުމަކީ ކޮންމެ ކޮންމެ ޙާލަތެއްގައި ކުރަންޖެހޭނެ ކަމެއް ނޫންކަމެވެ.
25HN2މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދެވޭނީ 02 (ދޭއް) ޙާލަތެއްގައެވެ. އެ 02 (ދޭއް) ޙާލަތަކީ، އެ މައްސަލައަކީ، އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައަކަށްވުން؛ ނުވަތަ އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ، އިންސާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމުގައިވުމެވެ.
11. ޤާނޫނު ނަންބަރު 32/2021
26HN3ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވޭތޯ ބަލަންޖެހޭ ކަންކަން ނުވަތަ ޝަރުތުތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެތައް ޤަޟިއްޔާއެއްގައި ބަޔާންކުރެވި އިސްތިޤުރާރުވެފައިވާ އުޞޫލީ ކަންތައްތަކެކެވެ. އެ ގޮތުން ބަލަންޖެހޭ ކަންތައްތަކަކީ، ވަގުތީ އަމުރަށް އެދޭ ފަރާތަކީ، އެފަދަ އަމުރަކަށް އެދުމުގެ ސިފަތު ނުވަތަ ހައިސިއްޔަތު ޤާނުނީ ގޮތުން ލިބިގެންވާ ފަރާތަކަށްވުމާއި؛ ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނުނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނުނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމާއި؛ ވަގުތީ އަމުރު ނެރުމަކާ ނުލައި އަސްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ތަދާރުކުނުކުރެވޭ ގެއްލުމެއް ނުވަތަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުމެވެ.
27HN4ހަމަ އެއާއެކު، ވަގުތީ ފަރުވާއެއްގެ ގޮތުން ވަގުތީ އަމުރަކަށް އެދޭ ޙާލަތުގައި އެއީ މައުޟޫޢީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ނުވަތަ ފަހުންކަމުގައިވިޔަސް، މުރާފަޢާތުގެ އިޖުރާއާތު ފުރިހަމަ ކުރަންޖެހޭނެއެވެ. ޝަކްލީ ގޮތުންނާއި އިޖުރާއީ ގޮތުން ކަންކަން ފުރިހަމަވާންޖެހޭނެއެވެ. މިއީ ވަގުތީ ފަރުވާގެ ފިޔަވަޅެއްގެ ގޮތުން ވަގުތީ އަމުރަކަށް އެދޭ ކޮންމެ ވަގުތެއްގައިވެސް ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވާންޖެހޭނެ އަސާސީ ކަންކަމެވެ. އަދި ވަގުތީ އަމުރެއް ކޯޓުން ނެރެނީ މައުޟޫޢީ ދަޢުވާއެއް ކޯޓަށް ހުށަހެޅުމުގެ ކުރިން ކަމުގައިވާނަމަ ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭނެ ކަމަށް އިސްތިޤުރާރުވެފައިވާ އުޞޫލީ ހަމަތަކަށް އިތުރަށް ބަލައި ޔަޤީންކުރުމަކީ ޟަރޫރަތްތެރިކަމަކަށްވާއިރު، މައްސަލައެއް ހުށަހެޅުމުގެކުރިން ވަގުތީ އަމުރަކަށް އެދިފައިވުމަކީ، ވަގުތީ އަމުރެއް ނެރުމުގައި ބަލަންޖެހޭ ޢާންމު އުޞޫލުތަކާއި ހަމަތައް ތަޖާހުލުކޮށް އެއްފަރާތްކުރެވޭނެ ކަމެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
28HN5ކުރިން ބަޔާންކުރެވުނުފަދައިން މައުޟޫޢީ ދަޢުވާ ހުށަހެޅުމުގެ ކުރިން ކޯޓުން ވަގުތީ ފަރުވާގެ އަމުރެއް ނެރެދެވޭނެ އެއް ޙާލަތަކީ، އެ މައްސަލައަކީ، އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައަކަށްވުމެވެ.
12. މިސާލަކަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޝިއްޔާ އަވަހަށް ފިޔަވަޅު އަޅަންޖެހޭ މައްސަލައެއްތޯ ބަލަނީ ވަގުތީ އަމުރެއް ނެރުމަކާ ނުލައި އަޞްލު މައުޟޫޢީ މައްސަލަ ލަސްވެގެން ހިނގައްޖެނަމަ ތަދާރުކު ނުކުރެވޭނެ އަދި އިޢާދަނުކުރެވޭނެ ފަދަ ނުރައްކަލަކާ ނުވަތަ ގެއްލުމަކާ ވަގުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާންޖެހޭތޯ ބަލައިގެންނެވެ.
29ތަދާރުކު ނުކުރެވޭނެފަދަ ނުވަތަ އިޢާދަނުކުރެވޭނެފަދަ ގެއްލުމެއް ވަގުތީ ފަރުވާއަށް އެދުނު ފަރާތަށް ކުރިމަތި ވެދާނެތޯ ބަލާއިރު، އެކަމަކީ އެކަށީގެންވާ ގޮތެއްގައި ފައިސާއިން ނުވަތަ މިސްލީ ބަދަލެއް ދެވިދާނެ ގެއްލުމެއް ނޫންކަން ކޯޓަށް ޤަބޫލުކުރެވޭނެ މިންވަރަށް ހެއްކާއެކު ބަޔާންކޮށްދިނުމަކީ އެ ފަދަ އަމުރަކަށް އެދޭ ފަރާތުގެ ޒިންމާއެކެވެ. އެކަށީގެންވާ ބަދަލު ނުދެވޭނެކަން ސާބިތުކޮށް ނުދެވޭ ޙާލަތުގައި މައުޟޫޢީ ދަޢުވާއެއް ހުށަހެޅުމުގެ ކުރިން ވަގުތީ ފަރުވާއެއްގެ ގޮތުން ވަގުތީ އަމުރެއް ނެރެވިދާނެކަމަށް ޤަބޫލެއް ނުކުރެވެއެވެ.
30އެގޮތުން، ހުށަހެޅިފައިވާ މި މައްސަލައިގައި، އިމްޕެކްސް ފިޝަރީޒުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ ވަގުތީ އަމުރަށް އެދި ހުށަހެޅި ފޯމަށް ބަލާއިރު، ވަގުތީ އަމުރެއް ނުނެރެފިނަމަ އެ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފްޞީލު އެ ފޯމުގެ 3ވަނަ ނަންބަރުގައި ބަޔާންކޮށްފައިވެއެވެ. މީގެ އިތުރުން އެ ފަރާތަށް ލިބިދާނެ ގެއްލުމަކީ ހިސާބު ޢަދަދުން ގުނޭނެ ގެއްލުންތަކެއް ނޫންކަމަށް ބުނެފައިވެއެވެ. ނަމަވެސް ވަގުތީ އަމުރެއް ނުނެރެފިނަމަ އެ ފަރާތަށް ލިބޭނެ ގެއްލުމުގެ ތަފްޞީލު އިމްޕެކްސް ފިޝަރީޒުން ބަޔާންކުރިއިރު އެކަންކަމަށް ބާރުލިބޭ ކާފީ ހެކި ހުށަހަޅާފައިވާކަން އެނގެން ނެތެވެ.
31އެހެންކަމުން ވަގުތީ އަމުރު ނެރުމުގައި ފައިސާއިން ހިސާބުކޮށްގެން ނުވަތަ މިސްލީ ބަދަލު ދެވޭނެ ގެއްލުމެއްތޯ ނުވަތަ ނޫންތޯ ބެލުމަކީ އުޞޫލީ ގޮތުން ބަލަންޖެހޭ ކަމަކަށްވާއިރު، މި މައްސަލައިގައި ހިމެނޭ ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދީފައިވަނީ، އަދި އެ އަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވަނީ އެ ކަންކަމަށް ރަނގަޅަށް ރިޢާޔަތްކުރެވިގެން ކަމަށް ނުފެނެއެވެ.
13. ވަގުތީ އަމުރަށް އެދޭ ފޯމުގެ 4 ވަނަ ނަންބަރުގައި
32HN6ދަޢުވާއެއް ހުށަހެޅުމުގެ ކުރިން އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ވަގުތީ ފަރުވާގެ ފިޔަވަޅެއް އަޅަންޖެހޭކަމަށް ބެލޭނީ ވަގުތީ އަމުރު ނެރެދެނީ އެދޭ މައްސަލައިގެ ވަށައިގެންވާ ޙާލަތްތަކަށާއި އެ މައްސަލައަށް ޚާއްޞަވާ ވަޤާއިޢުތަކަށާއި ކަމާބެހޭ ޤާނޫނީ އުޞޫލުތަކުގެ އަލީގައި ފުރަތަމަ ނަޒަރުގެ މިންގަނޑުން ވަޒަންކޮށްގެންނެވެ. މި ޙާލަތުގައި ގުޅުންހުރި ޤާނޫނުތަކާއި އުޞޫލީ ހަމަތަކުގެ މަތީން ވަގުތީ އަމުރެއް ނެރެދިނުމުގެ ޟަރޫރަތްތެރިކަން އޮތްގޮތް ކޯޓަށް ހާމަކޮށް ބަޔާންކޮށް ދިނުމުގެ ޒިންމާ އޮންނާނީ އެ އަމުރަށް އެދޭ ފަރާތުގައެވެ.
33HN7ކުރިން ބަޔާންކުރި ފަދައިން ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙުތިމާލު ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެގެންވުމަކީ ވަގުތީ އަމުރެއް ނެރުމުގައި ފުރިހަމަވޭތޯ ބަލަންޖެހޭ ކަމެކެވެ. ވަގުތީ އަމުރަށް އެދޭ ފަރާތަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވާ ކަމުގައި ބެލެވޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ޙިމާޔަތްކުރާ ޤާނޫނީ ޤާއިދާއެއް އޮވެގެންނެވެ. އަދި ވަގުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢުތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް އެ ގޮތުން، މި މައްސަލައިގައި ދެ ފަރާތުގެ މެދުގައި ވެވިފައިވާ އެއްބަސްވުމުގެ 10ވަނަ މާއްދާއާ އެއްގޮތަށް އިމްޕެކްސް ފިޝަރީޒުން ހުށަހެޅި ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ކަންކަން ކުރަމުންނުދާކަމަށް މިނިސްޓްރީން ބުނަމުންދާއިރު، އިމްޕެކްސް ފިޝަރީޒަށް ޤާނޫނީ ގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ފާޅުކަން ބޮޑު ގޮތެއްގައި ޤާއިމުވެފައިވާކަމަށް ބެލެވޭނީ އެއްބަސްވުމުގެ 10ވަނަ މާއްދާއާ އެއްގޮތަށް އެ ފަރާތުން ހުށަހެޅި ޕްރޮޕޯސަލްގައި ބަޔާންކޮށްފައިވާ ކަންކަން ކުރަމުންދާކަން ޤަބޫލުކުރެވޭނެ މިންވަރުގެ ހެކި ހުރެގެންނެވެ.
34HN8ހަމައެހެންމެ މިފަދަ މައްސަލަތަކުގައި އިސްތިޤުރާރުވެފައިވާ އުޞޫލުތަކަށް ބަލާއިރު، ވަގުތީ ފަރުވާއެއްގެ ގޮތުން ވަގުތީ އަމުރަކަށް އެދިގެން ކޯޓުގެ ކުރިމައްޗަށް އަންނަ ފަރާތަކީ މައުޞޫމު ފަރާތަކަށް ވާންޖެހެއެވެ. އެހެން ގޮތަކަށް ބުނާނަމަ ސާފު އަތަކައިގެން އަންނަ ފަރާތަކަށް ވާންޖެހެއެވެ. އެ ގޮތުން މި މައްސަލައަށް ބަލާއިރު، އަމުރަށް އެދުނު ފަރާތުން ކޯޓަށް އައިސްފައިވަނީ ސާފުއަތަކައިގެންތޯ ނުވަތަ ނޫންތޯ ނިންމޭނީ އަމުރަށް އެދުނު ފަރާތުން އެއްބަސްވުމާ އެއްގޮތަށް އެއްބަސްވުމުގައި ކަނޑައަޅާފައިވާ ޒިންމާތަކާއި ޝަރުޠުތަކާ އެއްގޮތަށް ޢަމަލުކުރަމުންދާކަން ނުވަތަ ނޫންކަން ސާފުވެގެންނެވެ.
35މި މައްސަލައިގެ ވާޤިޢާތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ފުރަތަމަ ނަޒަރުން ބަލާއިރު، ފެންނަން އޮތީ، އެގްރިކަލްޗަރ ވެލިއު އެޑިޝަން/ ޕްރޮސެސިންގ މަސައްކަތްކުރުމުގެ މަޤްޞަދުގައި މިނިސްޓްރީއާއި އިމްޕެކްސް ފިޝަރީޒާދެމެދު 06 ފެބްރުވަރީ 2010 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން ނ.މިނާވަރު އިމްޕެކްސް ފިޝަރީޒަށް 21 (އެކާވީސް) އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދީފައިވާކަމެވެ.
36ފެންނަން އޮތީ، އެއްބަސްވުމުގެ ދަށުން ރަށުގައި ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައް ކުރޭތޯ ބެލުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން އެ ރަށަށް ކުރި މޮނިޓަރިންގ ދަތުރުތަކުން ހޯދާފައިވާ މަޢުލޫމާތަކުގެ ތެރެއިން ރަށުގައި ކުރަމުންދާ ކަންކަމާއި، ކުރަންފަށާފައިނުވާ ކަންކަމުގެ މަޢުލޫމާތަކީ އިންޕެކްސް ފިޝަރީޒުގެ މުވައްޒަފުންގެ ފެނުމާއި އެނގުމުގެ ތެރެއިން އެ ފަރާތްތަކުގެ ސޮޔާއެކު ހޯދާފައިވާ މަޢުލޫމާތުތަކެއްކަމެވެ.
37ފެންނަން އޮތީ، އެ ރަށުގައި މަސައްކަތްތަކެއް ކުރެވިފައިވީނަމަވެސް މި މައްސަލައިގައި ހިމެނޭ އެއްބަސްވުމުގެ މަޤްޞަދުކަމުގައިވާ ”ވެލިއު އެޑިޝަން މަސައްކަތް“، އެއްބަސްވުމަށް 15 (ފަނަރަ) އަހަރު ވީއިރުވެސް އިމްޕެކްސް ފިޝަރީޒުން ފަށާފައިނުވާކަން އިންޕެކްސް ފިޝަރީޒުގެ ފަރާތުން ހުށަހަޅާފައިވާ ރިޕޯޓުންނާއި، މިނިސްޓްރީގެ މޮނިޓަރިންގ ރިޕޯޓުތަކުން އެނގެން އޮންނަކަމެވެ.
38ފެންނަން އޮތީ، ދެފަރާތުގެ މެދުގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ ދަށުން އިންޕެކްސް ފިޝަރީޒުގެ މައްޗަށް ކުރަންލާޒިމުކުރާ އަސާސީ މަސައްކަތްކަމުގައިވާ ވެލިއު އެޑިޝަން މަސައްކަތް އެ ފަރާތުން ރަށުގައި ކުރަމުންދާކަމަށް ސިވިލް ކޯޓުގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގައިވެސް އިމްޕެކްސް ފިޝަރީޒުން ބުނެފައި ނުވާކަމެވެ.
39އެހެންކަމުން މި މައްސަލައިގައި ހިމެނޭ ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދީފައިވަނީ އަދި އެ އަމުރަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވަނީ ރަނގަޅަށް ކަމަށް ބުރައެއް ނުވެވެއެވެ.
ނިންމަން ފެންނަ ގޮތް
40މަތީގައި ފާހަގަކުރި ސަބަބުތައް އެހެން ހުރުމުން ސިވިލް ކޯޓުގެ ނަންބަރު 1457-CVC-2025 ޤަޟިއްޔާއިން ނެރެފައިވާ އަމުރާއި، އެ އަމުރަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/158 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކުރަންފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
41HN9މިމައްސަލާގައި އިމްޕެކްސް ފިޝަރީޒްގެ ފަރާތުން ވަގުތީ އަމުރަކަށް އެދި ހުށަހަޅާފައިވަނީ ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) 243ވަނަ މާއްދާގެ (ށ) ގެ ދަށުންނެވެ. މިއީ މައުޟޫޢީ ދަޢުވާއެއް ކަމާބެހޭ ޝަރުޢީ ކޯޓަކަށް ހުށަހެޅުމުގެ ކުރިން ނެރެދޭން އެދޭ ވަގުތީ އަމުރެއް ނުވަތަ ޕްރީ އެކްޝަން އިންޓަރިމް އިންޖަންކްޝަން (pre-action interim injunction) އެއް ކަމުގައިވާއިރު، ބުނެވިދިޔަ ޤާނޫނުގެ 243ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެންވާ ގޮތުން މިޙާލަތުގައި ވަގުތީ އަމުރެއް ނެރެވޭނީ ދެޝަރުޠެއް ފުރިހަމަވެގެންނެވެ. ފުރަތަމަ ޝަރުޠަކީ: އެ މައްސަލައަކީ އަވަހަށް ފިޔަވަޅު އަޅަންޖެހޭ ބާވަތުގެ މައްސަލައަކަށްވުމެވެ. ދެވަނަ ޝަރުޠަކީ: އެ މައްސަލައިގައި ވަގުތީ އަމުރެއް ނެރުމަކީ އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައިވުމެވެ. މިޙާލަތުގައި ވަގުތީ އަމުރު ނެރުމުގައި ޝަރީޢަތުން ބަލަންޖެހޭނީ ޤާނޫނުގައި ބުނެފައި މިވާ ދެޝަރުޢު ފުރިހަމަވޭތޯ ކަމާއި، ޤާނޫނުގައި ބުނެފައިނުވާ އިތުރުކަމަކަށް މިޙާލަތުގައި އަމުރު ނެރުމުގައި ބަލަން ނުޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
42މި ހާލަތުގައި ވަގުތީ އަމުރަށް އެދެވޭނީ އެވަގުތާ ހަމަޔަށް ލިބިފައިވާ ނުވަތަ ލިބެމުންދާ ގެއްލުންތަކެއް ހުއްޓުވަން ނުވަތަ ގެއްލުން ވީހާވެސް ކުޑަކުރަން ކަމަށްވުމާއި، އަމުރަށް އެދޭއިރު ދަޢުވާއެއް ފަނޑިޔާރުގެ ކުރިމަތީ ނޯންނާނެ ކަމާއި، ދަޢުވާ ހުށަހަޅާނީ އޭގެ ފަހުން ކަމަށްވެފައި، ދަޢުވާގެ މައުޟޫޢު އޮންނާނެ ގޮތް ކަށަވަރު ކަމާއެކު ފަނޑިޔާރަށް ބެލޭނެ ގޮތެއް ނޯންނާނެތީ ވަގުތީ އަމުރު ނެރުމާގުޅޭ ޢާންމު އުޞޫލުތަކަށް ޢަމަލުކުރާނަމަ ގިނަ ޙާލަތްތަކެއްގައި ޤާނޫނުން ޙާޞިލުކުރުމަށް ބޭނުންވާ ނަތީޖާ ޙާޞިލު ނުވުމުގެ އިޙްތިމާލު އޮންނާއެވެ.
43އެ ގޮތުން ވަގުތީ އަމުރު ނެރުމުގައި ފުރިހަމަވޭތޯ ބެލުމަށް ޤާނޫނުގައި ބުނެފައިވާ ދެ ޝަރުޢު މިމައްސަލާގައި ފުރިހަމަވޭތޯ ބަލާއިރު، ވަގުތީ އަމުރަށް އެދުނުއިރު، އަވަހަށް ވަގުތުން ފިޔަވަޅު އަޅައިގެން ހުއްޓުވަންވެފައިއޮތް، އެވަގުތާ ހަމަޔަށް ލިބިފައިވާ ނުވަތަ ލިބެމުންދާ ގެއްލުންތަކެއް ހުރި ކަމަށް ދެފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތްކަން ފާހަގަކުރެވެއެވެ. އަދި އިންޞާފު ޤާއިމުކުރުމަށްޓަކައި އެވަގުތު ވަގުތީ އަމުރެއް ކޮންމެހެން ނެރެންޖެހޭ ޙާލަތެއް ކުރިމަތިވެފައި ނެތްކަންވެސް ފާހަގަކުރެވެއެވެ.
44މިހެން މިކަންކަން ހުރުމުން، މި މައްސަލާގައި ސިވިލް ކޯޓުން ނެރެފައިވާ ވަގުތީ އަމުރު ނެރެފައިވަނީ މަދަނީ އިޖުރާއަތުގެ ޤާނޫނު 243ވަނަ މާއްދާގެ (ށ) ގެ ތަރަހައިގެ ތެރެއިން ނޫން ކަމުގައި އަހުރެންނަށް ބުރަވެވެއެވެ. ވުމާއެކު، ސިވިލް ކޯޓުގެ ނަންބަރު 1457-CVC-2025 ޤަޟިއްޔާއިން ނެރެފައިވާ ވަގުތީ އަމުރާއި، އެ އަމުރަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/158 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ބާޠިލުކުރުމަށް އަހުރެންނަށްވެސް ފެނެއެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
45މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެން ފަހެ، މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1457-CVC-2025 ޤަޟިއްޔާއިން ނެރެފައިވާ އަމުރާއި، އެ އަމުރަށް ތާއީދުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2025/HC-A/158 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމްކުރީ:
ފުޓްނޯޓު
- ރަޖިސްޓްރޭޝަން ނަންބަރު : C-202/2003
- 06 ފެބުރުވަރީ 2010 ގައި ވެފައިވާ އެބަސްވުމުގައި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ މައްޗަށް އޮތް ޙައްޤުތަކާއި ވާޖިބުތައް މިހާރު ބަދަލުވެފައިވަނީ މިނިސްޓްރީ އޮފް އެގްރިކަލްޝަރ އެންޑް އެނިމަލް ވެލްފެއަރ އަށެވެ.
- ނަންބަރު:K.2/2010 އެއްބަސްވުން
- 19 މާރޗް 2025 ގައި މިނިސްޓްރީ އޮފް އެގްރިކަލްޗަރ އެންޑް އެނިމަލް ވެލްފެއަރ އިން ފޮނުވާފައިވާ އެ މިނިސްޓްރީގެ ނަންބަރު 492-E/PRIV/2025/67 ސިޓީ
- އިމްޕެކްސް ފިޝަރީޒްގެ ނަންބަރު IFM/2025/GOVT-002 (19 މާރޗް 2025) ސިޓީ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/352
- . ޤާނޫނު ނަންބަރު 32/2021
- . މިސާލަކަށް ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ
- . ވަގުތީ އަމުރަށް އެދޭ ފޯމުގެ 4 ވަނަ ނަންބަރުގައި
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 242ވަނަ މާއްދާގެ (ށ) ގެ (1)، (2) އަދި (6)
- ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 243ވަނަ މާއްދާ (ހ)، (ށ)، (ނ)، (ރ)
- ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/21 ޤަޟިއްޔާ (ވަގުތީ އަމުރުގެ ޝަރުޠުތަކަށް މިސާލެއްގެ ގޮތުން)
- ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ވ. އެންޓި ކޮރަޕްޝަން ކޮމިޝަން (ސުޕްރީމް ކޯޓު)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.