—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ
ޤަޟިއްޔާ ނަންބަރު: 2012/SC-A/21
ދަޢުވާކުރާ ފަރާތް: ނެކްސްބިޒް ލިމިޓެޑް (އޮސްޓްރޭލިއާ) ނަންބަރު 100، ލެވަލް 40،
މިލަރ ސްޓްރީޓް ނޯތް ސިޑްނީ
ދަޢުވާ ލިބޭ ފަރާތް: އެންޓި ކޮރަޕްޝަން ކޮމިޝަން، ހުރަވީ ބިލްޑިންގ
މައްސަލައިގެ ބާވަތް: އަމުރު ބާޠިލްކުރުން
މައްސަލަ އައިގޮތް: އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚް: 30 ޖުލައި 2012
ރަޖިސްޓްރީ ކުރެވުނު ތާރީޚް: 27 އޯގަސްޓް 2012
ނިމުނު ތާރީޚް: 02 ސެޕްޓެމަބަރ 2012
މައްސަލަ ނިންމި ގަޑި: 19:10
މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
އިސްތިއުނާފުކުރެވުނު އަމުރު:
ނަންބަރު: (OTHR)95-B2/94/2012/1
ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚް: 16 ޖުލައި 2012
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަނަބްރު 1/2012/94/95-B2(OTHER) އަމުރަކީ ޤާނޫނީ އަދި ޝަރްޢީ އުޞޫލުތަކާ ޚިލާފު އަމުރެއްކަމަށް ބުނެ، އެ އަމުރު ބާޠިލުކޮށްދިނުމަށް އެދި ނެކްސްބިޒް ލިމިޓެޑް ( ނަންބަރު 100، ލެވެލް 40 މިލަރ ސްޓްރީޓް، ނޯތު ސިޑްނީ، އޮސްޓްރޭލިއާ ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުން ބެލިފައިވާ މައްސަލައެކެވެ. މި މައްސަލާގައި ދަޢުވާ ރައްދުވާ ފަރާތަކީ، އެންޓި ކޮރަޕްޝަން ކޮމިޝަން އެވެ؛
އަދި އިސްވެދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 1/2012/94/95-B2(OTHER) އަމުރަކީ، ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2158 ޤަޟިއްޔާ ނިންމާފައިވަނީ ޝަރްޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން އެޤަޟިއްޔާ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށްފަހު، ހައިކޯޓުގެ ނަންބަރު 105/HC-A/2012 ޤަޟިއްޔާއިން އެ މައްސަލާގައި ފައިޞަލާކުރުވަނިވި ޙުކުމެއް ކުރަންދެން، ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރާއި މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން އިތުރު އެއްވެސްކަމެއް ކުރިއަށް ނުގެންދިއުމަށް ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ނެރެފައިވާ އަމުރެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މި މައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާގައި ޝާމިލުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅާފައިވާ ލިއުންތަކަށާއި، ތަފާތު ޤާނޫނީ ނިޒާމްތަކުގައި ވަޤުތީ އަމުރުގެ މައްސަލަތަކުގައި ޢަމަލުކުރާ ޢާންމު ޤާނޫނީ އުޞޫލުތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ބަލައި ވިސްނިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ނެކްސްބިޒް ލިމިޓެޑް އަކީ، އިޝާރާތްކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 1/2012/94/95-B2(OTHER) އަމުރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ޙައްޤު އިޖްރާއީގޮތުން ލިބިގެންވާ ފަރާތެއްތޯ ބެލިއިރު، އެފަރާތަކީ އިސްވެދިޔަ ސިވިލް ކޯޓުގެ ނަންބަރު 2011/Cv-C/2158 ޤަޟިއްޔާއާއި، ހައިކޯޓުގެ ނަންބަރު 105/HC-A/2012 ޤަޟިއްޔާގައި، އެފަރާތުގެ ޤާނޫނީ މަޞްލަޙަތު ޙިމާޔަތްކުރުމަށްޓަކާ ތަދައްޚުލުވެފައިވާ ފަރާތެއްކަން އެނގެން އޮންނަކަމާ، އަދި އެ ފަރާތުން ވެފައިވަނީ ބުނެވިދިޔަ ދެ ޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތް ކަމުގައިވާ ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނާއެކު "އިންޟިމާމީ" ތަދައްޚުލް (Joint Intervention) އެއްކަމާއި، މިފަދައިން ތަދައްޚުލުވާ ފަރާތަށް އެފަރާތުން ތަދައްޚުލުވާ މައްސަލައާ ގުޅިގެން ކޯޓުން ނިންމާ ނިންމުންތައް ޠަޢުނުކުރުމުގެ ޙައްޤު، މައްސަލާގެ އަޞްލު ޚަޞްމު ތަޢުނުކުރުމުން މަނާވެގަންނަ ޙާލަތުގައިވެސް، ލިބިގެންވާކަން ތަހްޒީބުވެފައިވާ މުޖްތަމަޢުތަކުގައި ޢަމަލުކުރާ އިޖްރާއީ އުޞޫލުތަކަށް ބެލުމުން އެނގޭކަމާ، އެހެންކަމުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާއާއި 68 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ބުނެވިދިޔަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 1/2012/94/95-B2(OTHER) އަމުރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރުމުގެ ޙައްޤު ނެކްސްބިޒް ލިމިޓެޑް އަށް އިޖްރާއީގޮތުން ލިބިގެންވާ ކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައެޅުނެވެ.
އިސްވެދިޔަ ހައިކޯޓުގެ ނަންބަރު 1/2012/94/95-B2(OTHER) އަމުރުގެ މައުޟޫޢަކީ، އެކޯޓުގެ ނަންބަރު 105/HC-A/2012 ޤަޟިއްޔާގައި ފައިޞަލާކުރުވަނިވި ޙުކުމެއް ކުރަންދެން، ދިވެހިރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރާއި މެލޭޝިޔާގެ ނެކްސްބިޒް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށް ގެންދާ މަޝްރޫޢުގެ ދަށުން އިތުރު އެއްވެސްކަމެއް ކުރިއަށް ނުގެންދިއުމަށް ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ މައްޗަށް އަމުރުކޮށްދިނުންކަން އެނގެން އޮންނައިރު، ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 105/HC-A/2012 ޤަޟިއްޔާގެ މައުޟޫޢަކީ ދިވެހިރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި ނެކްސްބިޒް ލިމިޓެޑް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިނގާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނަމަ، ނޭޝަނަލް ޕްލޭނިން ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި އެފަރާތުން ނިންމާ ނިންމުންތަކާ އެއްގޮތަށް އާރ.އެފް.ޕީ ތައްޔާރުކޮށް، އަލުން ބިޑްކޮށްގެން ކުރިއަށް ގެންދިއުމަށް 24 ޖެނުއަރީ 2011 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް ނަންބަރު 123-B/94/2011/02 ސިޓީން އެންގި އެންގުމަށް ޢަމަލުކުރުމަކީ އެ ޑިޕާރޓްމަންޓްގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވެގެންވާ ކަމެއްކަމަށް ކަނޑައަޅައި ދިނުންކަމަށްވާތީ، މިމައްސަލައިގެ މައުޟޫޢަކީ އިދާރީ އެންގުމެއް ނުވަތަ އިދާރީ ޤަރާރެއްގެ މައްސަލައެއްކަން ސާފުކޮށް އެނގެންއޮވެއެވެ.
ބުނެވުނު އިދާރީ އެންގުން އަންގާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 202 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2008/13 (އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި 22 ވަނަ މާއްދާއިން ލިބޭ ބާރުގެ ދަށުންކަމަށް އެކޮމިޝަނުން ދެކޭކަން ފާހަގަކޮށްފައިވާއިރު، ބުނެވިދިޔަ މާއްދާތަކުން އެކޮމިޝަނަށް ލިބިފައިވާ އިޚްތިޞާޞެއްގެ ދަށުން އެންގި އެންގުމެއް ކަމާބެހޭ ކޯޓަކަށް ހުށަހަޅައި އެކޯޓަކުން އެއެންގުމަށް ބަލައި އެއަށް ތަންފީޒީބާރު ދިނުމާމެދު ގޮތެއްކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތަކުގެ ތެރޭގައި އެއެންގުން އަންނަނިވި އުޞޫލުތަކަށް ފެތޭކަން ނުވަތަ ނޫންކަން ބެލުން ހިމެނިގެންވާންވާނެކަން ފާހަގަކުރެވެއެވެ.
(ހ) އެނިންމުމެއް ނިންމީ ނުވަތަ އެއެންގުމެއް އެންގީ އެނިންމުމެއް ނިންމުމުގެ އިޚްތިސާސް ޤާނޫނީގޮތުން އޮތް ފަރާތަކުންތޯ؟
(ށ) އެނިންމުމެއް ނިންމުމުގައި ނުވަތަ އެއެންގުމެއް އެންގުމުގައި ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ނުވަތަ ޤަވާޢިދަކުން ޝަކްލީ (ފޯރމަލިޓީ) ގޮތުންނާއި އިޖްރާއީ (ޕްރޮސީޖަރަލް) ގޮތުން ތަބާވުން ލާޒިމްކޮށްފައިވާ ކަންތައްތަކަށް ތަބާވެފައިވޭތޯ؟
(ނ) އެނިންމުމަކީ ނުވަތަ އެ އެންގުމަކީ އެނިންމުމެއް ނުވަތަ އެ އެންގުމެއް ނިންމިއިރު، ޢަމަލުކުރެވޭ އެއްވެސް ޤާނޫނަކާ ޚިލާފު ޢަމަލެއްތޯ؟
(ރ) އެނިންމުމެއް ނިންމުމުގައި ނުވަތަ އެ އެންގުމެއް އެންގުމުގައި އިޚްތިޔާރީބާރުގެ ބޭނުން ނުރަނގަޅު ގޮތުގައި ނުވަތަ ނާޖާއިޒްގޮތުގައި ބޭނުންކޮށް ޤާނޫނީގޮތުން އެމަގްސަދަކަށްޓަކައި އެނިންމުން އޮންނަންޖެހޭ އިންތަކުން އެނިންމުން ނުވަތަ އެ އެންގުން ބޭރުވެފައިވޭތޯ؟
(ބ) އެނިންމުން ނުވަތަ އެއެންގުން ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއްގެ މައްޗަށް ކަމަށްވާނަމަ އެޙަޤީޤަތް އެގޮތަށްހުރިތޯ؟
(ޅ) އަދި އެނިންމުން ނުވަތަ އެއެންގުން ބިނާކުރި ޤާނޫނީ ސަބަބުތައް ޞައްޙަތޯ؟
ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 1/2012/94/95-B2(OTHER) އަމުރަކީ، އެ ކޯޓުގެ ނަންބަރު 105/HC-A/2012 ޤަޟިއްޔާގައި ދަޢުވާކުރާ ފަރާތުން ދަޢުވާކުރާ މައުޟޫޢީ ޙައްޤަށް ޤަޟާއީ ޙިމާޔަތް ނިހާއީ ސިފައެއްގައި ލިބުމުގެ ކުރިން، ފާއިތުވެގެން ހިނގައިދާނެ އިޢާދަނުކުރެވޭފަދަ ގެއްލުމަކަށް ހައިކޯޓުން ދެކިގެން، ދެވިފައިވާ ވަޤުތީ ޙިމާޔަތެއްކަން އެނގެން އޮންނައިރު، މިބާވަތުގެ ވަޤުތީ އަމުރުތަކާއި ޙުކުމްތައް ނެރުމުގައި ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރަކީ އެއްވެސް ޤާނޫނީ ނިޒާމެއްގައި މުޠުލަޤު ބާރެއް ނޫންކަމާއި، އެފަދަ އަމުރުތައް ނެރުމުގައި ކޯޓުން ފުރިހަމަވޭތޯ ބަލަންޖެހޭ ޢާންމު ޝަރްޠު ތަކެއްވާކަން ތަފާތު ޤާނޫނީ ޖުރިސްޑިކްޝަންތަކުން ޤަބޫލުކުރާ އިޖްރާއީ ޢާންމު އުޞޫލުތަކަށް ބެލުމުން އެނގެން އޮވެއެވެ؛ އެ ޝަރްޠުތަކަކީ:
(ހ) ވަޤުތީ އަމުރަށް އެދޭ ފަރާތަށް، ޤާނޫނީގޮތުން ޙިމާޔަތް ލިބެންޖެހޭ މައުޟޫޢީ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ފާޅުކަން ބޮޑުގޮތެއްގައި ޤާއިމުވެގެންވުން (Fumus boni juris)؛ ބުނެވިދިޔަ ފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް އޮތުމުގެ އިޙްތިމާލު ޤާއިމުވެގެންވާ ކަމުގައި ބެލެވޭނީ އެ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް ޙިމާޔަތްކުރާ ޤާނޫނީ ޤާޢިދާއެއް (Legal Rule) އޮތުމުގެ އިތުރުން، ވަޤުތީ އަމުރަށް އެދި ހުށަހަޅާ ވަޤާއިޢު (Facts) ތަކަކީ އެފަދަ ޙައްޤެއް ނުވަތަ ޤާނޫނީ މަރްކަޒެއް ވާކަމުގެ އިޙްތިމާލު ޤާއިމުވެގެންވާކަމުގައި ކޯޓަށް ޤަބޫލުކުރެވޭ މިންވަރުގެ ކާފީ ވަޤާއިޢުތަކަށް ވުމެވެ.
(ށ) ވަޤުތީ އަމުރު ނެރުމަކާނުލާ އަޞްލު މައުޟޫޢީ ދަޢުވާ ލަސްވެގެން ހިނގައްޖެނަމަ ކުރިމަތިވެދާނެ ނުރައްކަލެއް އޮތުން (Periculum in mora) ؛ މީގެ މަފްހޫމަކީ، މައުޟޫޢީ ދަޢުވާ އާދައިގެ އިޖްރާއާތުގެ ދަށުން ފުރިހަމަކޮށްފިނަމަ، ތަދާރުކު ނުކުރެވޭފަދަ އަދި އިޢާދަ ނުކުރެވޭފަދަ ނުރައްކަލަކާއި ނުވަތަ ގެއްލުމަކާއި އެ ދަޢުވާއާއި ގުޅިގެން ވަޤުތީ އަމުރަށް އެދޭ ފަރާތުން ކުރިމަތިލާން ޖެހުމެވެ.
(ނ) ވަޤުތީ އަމުރަށް އެދޭ ފަރާތަކީ އެފަދަ އަމުރަކަށް އެދުމުގެ "ޞިފަތު" (Capacity) ނުވަތަ ޙައިޘިއްޔަތު ޤާނޫނީގޮތުން ލިބިގެންވާ ފަރާތެއްކަމުގައި ވުމެވެ.
5. އިސްވެ ބަޔާންވެގެންދިޔަ ޝަރްޠުތަކުގެ އަލީގައި، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނަންބަރު 105/HC-A/2012 ޤަޟިއްޔާއާއި ގުޅިގެން، އެ ކޯޓުން ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނުގެ މައްޗަށް ނެރެފައިވާ ވަޤުތީ އަމުރު ނެރުމުގައި ޤާނޫނު ތަޠްބީޤު ކޮށްފައިވާގޮތުގެ ޞައްޙަކަމާމެދު ޤާނޫނީގޮތުން ބަލައި ނަޒަރުކުރި އިރު އަންނަނިވި ކަންތައް ފާހަގަކުރެވެއެވެ.
(ހ) ފުރަތަމަ ކަމަކީ، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 105/HC-A/2012 ޤަޟިއްޔާގެ މައުޟޫޢަކީ ދިވެހިރާއްޖޭގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުގެ ފަރާތުން ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަން އާއި ނެކްސްބިޒް ލިމިޓެޑް އާއި ދެމެދު ވެފައިވާ އެއްބަސްވުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަންތައްތަކެއް ހިނގާފައިވާކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފާހަގަކުރެވިފައިވާތީ، ބޯޑަރ ކޮންޓްރޯލް ސިސްޓަމްގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދާނަމަ، ނޭޝަނަލް ޕްލޭނިން ކައުންސިލަށް ނުވަތަ ވަޒީރުންގެ މަޖިލީހަށް ހުށަހަޅައި އެފަރާތުން ނިންމާ ނިންމުންތަކާ އެއްގޮތަށް އާރ.އެފް.ޕީ ތައްޔާރުކޮށް، އަލުން ބިޑްކޮށްގެން ކުރިއަށް ގެންދިއުމަށް 24 ޖެނުއަރީ 2011 ގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަނަށް އެންގި އެންގުމަށް ޢަމަލުކުރުމަކީ އެ ޑިޕާރޓްމަންޓްގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުވެގެންވާ ކަމެއްކަމަށް ކަނޑައަޅައި ދިނުންކަން އެނގެން އޮންނައިރު، އެންޓި ކޮރަޕްޝަން ކޮމިޝަންގެ ފަރާތުން ދައުލަތުގެ އިދާރާތަކަށް އަންގާ އެފަދަ އިދާރީ އެންގުންތަކަށް ޢަމަލުކުރުން އެ އިދާރާތަކުގެ މައްޗަށް ޤާނޫނީގޮތުން ލާޒިމްވެގެންވާކަމުގެ އިޙްތިމާލަކީ ވުޖޫދުގައިވާ އިޙްތިމާލެއް ނޫންކަމާ، އެހެނީ ދައުލަތުގެ އިދާރާތަކުގެ މައްޗަށް އެފަދަ އެންގުންތައް އެންގުމުގެ ޙައްޤު އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިދޭ ޤާނޫނީ ޤާޢިދާއެއްވިއަސް ނެތްކަން އެނގޭކަމާ، ވުމާއެކު ހައިކޯޓުގެ އިސްވެދިޔަ ޤަޟިއްޔާގެ މައުޟޫޢީ ޙައްޤު ހިމާޔަތްކުރާނެ ޤާނޫނީ ޤާޢިދާއެއް ވުޖޫދުގައި ނުވާ ޙާލުގައި، އެ ޤަޟިއްޔާއާ ގުޅިގެން ވަޤުތީ އަމުރެއް ނެރުމަކީ ޤާނޫނީގޮތުން ޞައްޙަކަމެއް ނޫންކަން އެނގެން އޮންނަކަމެވެ.
(ށ) ދެވަނަ ކަމަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 202 ވަނަ މާއްދާއާއި، ޤާނޫނު ނަންބަރު 2008/13 (އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ޤާނޫނު) ގެ 21 ވަނަ މާއްދާއާއި 22 ވަނަ މާއްދާއިން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިގެންވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޕަބްލިކް ލޯގެ ދާއިރާގައި ހިމެނޭ އެއްވެސް އިދާރީ އެންގުމެއް އެންގުމުގެ ނުވަތަ އަމުރެއް ކުރުމުގެ އިޚްތިޞާޞް ލިބިގެން ނުވާކަމާއި، ބުނެވިދިޔަ މާއްދާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަނަށް ޖުމްލަގޮތެއްގައި ލިބިގެންވަނީ ދައުލަތުގެ އިދާރާތަކުން ހިންގާ ކަންތަކުގެ ތެރޭގައި ކޮރަޕްޝަންގެ ޢަމަލުގެ ގޮތުގައި ތުހުމަތުކުރެވޭ ކަންތައްތައް ތަޙްޤީޤުކުރުމާއި، އެތަހްޤީޤު ފުރިހަމަކުރުމަށް މަގުފަހިކޮށްދޭ އެހެނިހެން ކަންތައް ކުރުންކަން އެނގެން އޮންނަކަމެވެ.
(ނ) ތިންވަނަ ކަމަކީ، އެންޓި ކޮރަޕްޝަން ކޮމިޝަނުގެ އިޚްތިޞާޞްތެރޭގައި ހިމެނޭ ޖިނާއީ ތަޙްޤީޤެއް އެއްވެސް މައްސަލައެއްގައި ކުރާނަމަ ޖިނާއީ އިޖްރާއާތަށާއި އެއިޖްރާއާތުގެ އުޞޫލަށް ތަބާވާންޖެހޭނެކަމާއި އެގޮތުން ޖިނާއީ ތުހުމަތަކާގުޅިގެން ހޯދަންޖެހޭ ކޯޓު އަމުރުތައް ހޯދަންޖެހޭނީ ޕްރޮސިކިއުޓަރ ޖެނެރަލް މެދުވެރިކޮށް، އެކުށުގެ މައްސަލަބެލުމުގެ އިޚްތިޞާޞް ލިބިފައިވާ ކޯޓަކުންކަމާއި، ޖިނާއީ ތުހުމަތަކާ ގުޅިގެން ޖިނާއީ އިޖްރާއާތުން ބޭރު އިޖްރާއާތުތަކެއް، އެކުށުގެ ތަޙްޤީޤުކުރާ ފަރާތަށްހިންގިގެންނުވާނެކަމާ، އަދި ޖިނާއީ ތަޙްޤީޤެއްގައި ހިމެނޭކަމަށް ޝައްކުކުރެވޭ ޖިނާއީ ތުހުމަތެއްގެ މައްޗަށް ބިނާކޮށް ދެފަރާތެއްގެމެދުގައި ވެފައިވާ ކޮންޓްރެކްޓެއް ހުއްޓުވުން ނުވަތަ ކޮންޓްރެކްޓެއް ބާޠިލުކުރުންފަދަ ފިޔަވަޅުތައްވެސް ޖިނާއީ އިޖްރާއާތުގެ ތެރެއިންއެޅޭ ފިޔަވަޅުތަކަކަށް ވާންވާނެކަން އެނގެން އޮންނަ އޮތުމެވެ.
(ރ) ހަތަރުވަނަ ކަމަކީ، ކޮންޓްރެކްޓަކީ ޖިނާއީ ތަޙްޤީޤެއް ނުވަތަ ޖިނާއި އިޖްރާއާތެއް ނުހިމެނޭ ކޮޏްޓްރެކްޓެއްނަމަ، އެއީ ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ހުއްދަނުކުރާ ކޮންޓްރެކްޓެއްކަމަށް އެކޮންޓްރެކްޓްގައި ނުހިމެނޭ ފަރާތަކުން ނުވަތަ ދައުލަތުގެ މުއައްސަސާއަކުން ދެކޭނަމަ އެކަމަކާމެދު ގޮތެއް ކަނޑައެޅޭނީ ކަމާބެހޭ ކޯޓަކަށް ހުށަހަޅައިގެން ކަމަށްވާއިރު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 105/HC-A/2012 ޤަޟިއްޔާގެ މައުޟޫޢަކީ ކޮންޓްރެކްޓެއް، ޤާނޫނު ނަންބަރު 91/4 (ކޮންޓްރެކްޓާބެހޭ ޤާނޫނު) އާ ޚިލާފުވުމުގެ މައްސަލައެއް ނޫންކަމާ، އަދި އެއީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-B/94/2011/02 ސިޓީން އަންގާފައިވާ އިދާރީ އެންގުމުގެ މައްސަލައެއްކަން އެނގެން އޮންނަކަމެވެ.
(ބ) ފަސްވަނަ ކަމަކީ، ވަޤުތީ އަމުރު ނެރުމުގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލުތަކުގެ ތެރޭގައި ހިމެނޭ އެއް އަޞްލަކީ، ކޯޓަށް ހުށަހެޅޭ މައްސަލައަކާގުޅިގެން ނެރެދެވޭ ވަޤުތީ އަމުރުގައި، އަސްލު މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރްކަޒަށް އަސަރުކުރުވަނިވި ފަދަ ގޮތަކަށް ނުވަތަ އެހައްޤު ޘާބިތުކޮށް ނުވަތަ ނަފީކޮށް ވަޤުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަމާ، އެހެންނޫންނަމަ އެވާނީ އެ މައްސަލަ ބެލުމުގެ ކުރިން، އެ މައްސަލާގައި ހިމެނޭ މައުޟޫޢީ ޙައްޤަށް ނުވަތަ ޤާނޫނީ މަރްކަޒަށް ދާއިމީ ޙިމާޔަތް ކުރިއާލައި ދެވުންކަމާއި، މިހެންކަމުން، ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 105/HC-A/2012 ޤަޟިއްޔާގައި ޙިމާޔަތްކުރުމަށް އެދިފައިވާ މައުޟޫޢީ ޙައްޤު ނުވަތަ ޤާނޫނީ މަރްކަޒަކީ، އެ ޤަޟިއްޔާއާ ގުޅިގެން ނެރެދިނުމަށް އެދިފައިވާ ވަޤުތީ އަމުރުންވެސް ޙިމާޔަތްކޮށް ދެވިފައިވާ ޙައްޤު ނުވަތަ ޤާނޫނީ މަރްކަޒުކަން ޟިމްނީކޮށް އެނގެން އޮންނައިރު، އަޞްލު މައްސަލާގެ މައުޟޫޢަށް ފައިޞަލާ ވާގޮތަށް ވަޤުތީ އަމުރު ނެރުމުގެ ބާރު ކޯޓަށް ލިބިގެން ނުވާކަން އެނގެން އޮންނަ ކަމެވެ.
6. ހައިކޯޓުގެ ބުނެވިދިޔަ ނަންބަރު 105/HC-A/2012 ޤަޟިއްޔާއިން ބަލަމުންދާ މައްސަލާގައި ދައުލަތުގެ ބަންޑާރަ ނާއިބު ތަމްޘީލުކުރާ ޤާނޫނީ ޝަޚްޞަކީ ދިވެހި ދައުލަތްކަމަށް ވާއިރު، "ޕްރިންސިޕަލް އޮފް ސްޓޭޓް ކޮންޓިނިއުޓީ" (Principle of State Continuity) ގެ މަބްދައަށް ރިޢާޔަތްކުރާއިރު، މިމައްސަލާގައި ހިމެނޭ ކޮންޓްރެކްޓް ހުއްޓުވަން ވަޤުތީ އަމުރެއް ނުވަތަ ޙުކުމެއް ނެރެންޖެހޭފަދަ ސަބަބެއް ނެތްކަމަށް ދައުލަތުގެ ފަރާތުން ބަންޑާރަ ނާއިބު ދަށު ކޯޓުގައި ވަކާލާތުކޮށްފައިވާއިރު، އިސްތިއުނާފީ މަރްޙަލާގައި ކޮންޓްރެކްޓު ހުއްޓުވަން ވަގުތީ އަމުރެއް ނެރެންޖެހޭ ސަބަބެއް އޮތްކަމަށް ވަކާލާތުކުރުމަކީ އިސްތިއުނާފީ އުޞޫލުން ބަލާއިރު ތަނާޤުޟެއް (contradiction) ކަން ފާހަގަކުރެވެއެވެ.
7. "ޝަރީޢަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ޤަވާޢިދު 6" ގެ 295 ވަނަ މާއްދާގައި ބަޔާންވެގެންވާ ޙާލަތްތަކުގައި، އެ މާއްދާއަށް ރިޢާޔަތްކޮށް މަދަނީ މައްސަލަތަކުގައި ވަޤުތީ އަމުރު ނެރުމާއި ވަޤުތީ ފިޔަވަޅު އެޅުމުގައި ކޯޓަށް ލިބިގެންވާ އިޚްތިޔާރީ ބާރަކީ މުޠުލަޤު ބާރެއް ނޫންކަން އެނގޭކަމާއި، ކޯޓުން އެ ބާރު އަބަދުވެސް ބޭނުންކުރާންވާނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާއި، އިސްތިޤްރާރުވެފައިވާ ޤާނޫނީ ޢާންމު އުޞޫލުތަކާއި އެއްގޮތްވާގޮތުގެ މަތިންކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮވެއެވެ.
ޙުކުމް:
އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށްހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 1/2012/94/95-B2(OTHER) އަމުރުގެ މައުޟޫޢަކީ، ވަޤުތީ އަމުރު ނެރެވޭ ބާވަތުގެ މައުޟޫއަކަށް ނުވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަނަބްރު 1/2012/94/95-B2(OTHER) އަމުރަކީ ބާޠިލު އަމުރެއްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.