ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2018/SC-A/36
2018/SC-A/37
2018/SC-A/38
ޝަރީޢަތް ނިމުނުގޮތް
ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުނިމުނު ތާރީޚު
03 ފެބްރުއަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2015/HC-A-02/01
2015/HC-A-02/02
2015/HC-A-02/03
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޢަބްދުﷲ އާނިސް
ޢަބްދުﷲ ފާއިޒް
މުޙައްމަދު ޞާދިޤު
ޙުސައިން ނަޝީދު
މުޙައްމަދު ރާފިޢު އަޙްމަދު
ބުންޔާމީން ޙަސަން
މަބްރޫކް އަޙްމަދު
އިބްރާހީމް މުޙައްމަދު
މުޙައްމަދު ރަޝީދު
އަބްދުﷲ ޝަޒްލީމް
އިސްމާޢީލް ޢަބްދުﷲ
ފުނާޑް.ދިލްޝަންގެ
މުޙައްމަދު އިރުޝާދު
ޢަބްދުﷲ ނަވާޒް
މުޙައްމަދު އަންސާމް
ޞަލާހު ޙުސައިން
އަޙްމަދު މަޝްހޫދު
މުޙައްމަދު އިމްތިޔާޒު ޢަބްދުއްރަޙްމާން، އަލިވާގެއާގެ، ނ.ފޮއްދޫ
އިދުރީސް ޢަލީ، އެތުމާގެ، ތ.ކަނޑޫދޫ
މުޙައްމަދު ޙާރިޝް، ޑެއިޒީވިލާ، އދ.މަންދޫ
މުޙައްމަދު ޤާސިމް، އިރުމަތީގެ، އދ.ދިގުރަށް ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ރަޖިސްޓްރޭޝަން ނަންބަރު C-15/1983
ބަދަލުގައި: ޙުސައިން ސިރާޖް، ފިފްޓީޕްލަވަރ، އއ. އުކުޅަސްޤާނޫނީ ވަކީލު: މުޙައްމަދު ޝަހުދީ އަންވަރު، ސުޢޫދު އެންޑް އަންވަރު ކޯ، މާލެ ބަދަލުގައި: މައުރޫފު ޒާކިރު، ދާއިރާ، ބ. ކެންދޫޤާނޫނީ ވަކީލު: ޢަބްދުﷲ މުޢިއްޒު، މއ. ޑޯންޝައިން، މާލެ އިބްރާހީމް މުޖުތަބާ، އެވަރގްރީން، ބ.ތުޅާދޫ
ޤާނޫނީ ވަކީލު: މަރިޔަމް ޝުނާނާ، ހ. ޖޭސްމިން، މާލެ މަދަނީ - ވަޒީފާއިން ވަކިކުރުން – ރިޑަންޑެންސީ – ރިޑަންޑަންސީ ޕޭމަންޓް – ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް – ނޯޓިހުގެ ބަދަލުގައި ފައިސާ ދިނުން
ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ޢަބްދުﷲ އާނިސް އަދި އިތުރު 21 ފަރާތެއް
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-02/01 ޤަޟިއްޔާއާއި، ނަންބަރު 2015/HC-A-02/02 ޤަޟިއްޔާއާއި، ނަންބަރު 2015/HC-A-02/03 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ، ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން ކްރައުން ކޮމްޕެނީ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަތަކެކެވެ. މި މައްސަލަތަކުގައި އިސްތިއުނާފު ރައްދުވަނީ އަންނަނިވި ފަރާތްތަކުގެ (މީގެ ފަހުން އިސްތިއުނާފު ރައްދުވާ ފަރާތްތައް) މައްޗަށެވެ.
ފުރިހަމަ ނަން ދާއިމީ އެޑްރެސް އައި.ޑީ ކާޑު ނަންބަރު
ޢަބްދުﷲ އާނިސް ރޭޝަން، ސ.މަރަދޫ
ޢަބްދުﷲ ފާއިޒް އިރުޝާދު، ށ.މާއުނގޫދޫ
މުޙައްމަދު ޞާދިޤު ބުލޫރެސްޓް، ހއ.ދިއްދޫ
ޙުސައިން ނަޝީދު ރޯޝަނީއާގެ، ހދ.މަކުނުދޫ
މުޙައްމަދު ރާފިޢު އަޙްމަދު ހަނީވިލާ، ސ.ހިތަދޫ
ބުންޔާމީން ޙަސަން ޖަނަވަރީގެ، އދ. މަހިބަދޫ
މަބްރޫކް އަޙްމަދު ދަނބުސުތުލިގެ، އދ.މަހިބަދޫ
އިބްރާހީމް މުޖުތަބާ އެވަރގްރީން، ބ.ތުޅާދޫ
އިބްރާހީމް މުޙައްމަދު މަލާޒް، ހދ.ކުޅުދުއްފުށި
މުޙައްމަދު ރަޝީދު ހަޒާރުމާގެ، ރ.މަޑުއްވަރީ
އަބްދުﷲ ޝަޒްލީމް ދުނގެތިމާގެ، ސ.ހިތަދޫ
އިސްމާޢީލް ޢަބްދުﷲ ފުނާޑް.ދިލްޝަންގެ
މުޙައްމަދު އިރުޝާދު ހީނާގެ، އދ.މަހިބަދޫ
ޢަބްދުﷲ ނަވާޒް ޖަންބުމާގެ، އއ.އުކުޅަސް
މުޙައްމަދު އަންސާމް ކާނިމާގެ، ބ.ތުޅާދޫ
ޞަލާހު ޙުސައިން ކުޅިބަލާގެ، އދ.މަހިބަދޫ
އަޙްމަދު މަޝްހޫދު ސީވިއު، ސ.ހުޅުދޫ
އަހްމަދު އަސްލަމް ފިޔަނޫމާގެ، އދ.ހަންޏާމީދޫ
މުޙައްމަދު އިމްތިޔާޒު ޢަބްދުއްރަޙްމާން އަލިވާގެއާގެ، ނ.ފޮއްދޫ
އިދުރީސް ޢަލީ އެތުމާގެ، ތ.ކަނޑޫދޫ
މުޙައްމަދު ޙާރިޝް ޑެއިޒީވިލާ، އދ.މަންދޫ
މުޙައްމަދު ޤާސިމް އިރުމަތީގެ، އދ.ދިގުރަށް
މިއީ، އެއް ހާދިސާއަކާ ގުޅިގެން އިސްތިއުނާފީ އެއް ނުކުތާތަކެއްގެ މައްޗަށް، އެއް ފަރާތަކުން އިސްތިއުނާފު ކޮށްފައިވާ ތިން ޤަޟިއްޔާ ކަމުގައިވާތީ، މި ތިން މައްސަލައިގެ ޝަރީޢަތްތައް ހިންގާފައިވަނީ އެކު އެކީގައެވެ.
މައްސަލައިގެ ފަސްފަހަތް
ކްރައުން ކޮމްޕެނީގެ ފަރާތުން ހިންގާ ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ 32 (ބައްތިރީސް) ވޯޓަރ ވިލާއާއި، 08 (އަށެއް) ޑިލަކްސް ވިލާ، 2011 މެއި 15 ވަނަ ދުވަހުން ފެށިގެން 2011 އޮކްޓޯބަރ 31 ގެ ނިޔަލަށް ބަންދު ކުރުމަށް އެ ފަރާތުން ނިންމިއެވެ. އަދި މި ކަމުގެ ސަބަބުން އެ މުއްދަތުގައި އެ ރިސޯޓުގެ އޮކިއުޕަންސީ ދަށްވާނެ ކަމަށް އެ ކުންފުނިން ލަފާކޮށްފައިވެއެވެ. މިއީ އެ ކުންފުންޏަށް މެދުވެރިވެފައިވާ ރިޑަންޑަންސީގެ ޙާލަތެއްކަމުގައި ދެކިގެން އެ ރިސޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ މުވައްޒަފުންގެ ތެރެއިން އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކި ކުރުމަށް ނިންމައި، އެކަން އެންގުމަށްޓަކައި "ނޯޓިސް އޮފް ޕްރޮޕޯސްޑް ރިޑަންޑަންސީސް" ގެ ނަމުގައި ނޯޓިހެއް ނެރުނެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ 2011 ޖޫން 04 ވަނަ ދުވަހުގައެވެ. ވަޒީފާއިން ވަކި ކުރި ލިޔުމުގައި ކްރައުން ކޮމްޕެނީގެ ފަރާތުން ވަޒީފާއިން އެ ފަރާތްތައް ވަކި ކުރި ސަބަބެއް ކަމުގައި ބަޔާން ކޮށްފައިވަނީ، "ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑްގެ ވިޔަފާރި ދަށްވުމުގެ ސަބަބުން އިސްތިއުނާފު ރައްދުވާ ފަރާތްތައް އަދާކުރަމުންދިޔަ މަޤާމުތައް އުނިކުރަންޖެހި އެމީހުންގެ ޚިދުމަތް ކުންފުންޏަށް އިތުރަށް ބޭނުންނުވާ" ކަމަށެވެ.
ކްރައުން ކޮމްޕެނީގެ ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތްތައް އަދާކުރަމުންދިޔަ ވަޒީފާގެ މަޤާމުތައް އުވާލަން ނިންމައި، އެ ފަރާތްތައް ވަޒީފާއިން ވަކި ކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސް ދިނުމުގެ ބަދަލުގައި، ދީފައިވަނީ އެ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ނޯޓިހުގެ ބަދަލުގައި ފައިސާއެވެ.
ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދޭންޖެހޭ ނޯޓިހުގެ ބަދަލުގައި ދީފައިވާ ފައިސާގެ އިތުރުން "ރިޑަންޑަންސީ ޕޭމަންޓް" އެއްގެ ގޮތުގައި، ނޯޓިހުގެ މުއްދަތަށް ދޭންޖެހޭ ފައިސާގެ ޢަދަދާ އެއްވަރު ޢަދަދެއް ކޮންމެ މީހަކަށް ކްރައުން ކޮމްޕެނީގެ ފަރާތުން ދީފައިވެއެވެ. މި ފައިސާއަކީ އެހެން ވަޒީފާއެއް ހޯދާ މުއްދަތުގައި މާލީ ގޮތުން އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ދީފައިވާ ފައިސާއެއްކަމަށް ވަޒީފާއިން ވަކި ކުރިކަން އެންގުމަށް ފޮނުވި ލިޔުންތަކުގައި ވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަތައް ނިންމި ގޮތް
ކްރައުން ކޮމްޕެނީގެ ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކި ކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ދެކިގެން އެ ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އެއް ނުކުތާތަކެއްގެ މައްޗަށް ބިނާކޮށް ތިން މައްސަލައެއް ހުށަހެޅިއެވެ. އަދި މި މައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެދިފައިވަނީ، އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމާއެކު، އެ ފަރާތްތައް ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢަ ކޮށްދިނުމަށެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލާއި މުސާރައާއި ޢިނާޔަތްތައް އަލުން އަނބުރާ ދިނުމަށް ކްރައުން ކޮމްޕެނީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
މި މައްސަލަތައް ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމާފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނާ ޚިލާފަށް ކަމުގައިވާތީ، އެ ފަރާތައް އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބައިތިއްވުމަށާއި، އެ ފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ބައެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކި ކުރި ތާރީޚުން ފެށިގެން މައްސަލަ ނިންމުމާ ހަމައަށް އެ ފަރާތްތަކަށް މުސާރައާއި، އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ އެކީ އެއްފަހަރާ ދިނުމަށް އަމުރުކޮށެވެ. އަދި ވަޒީފާއިން ވަކިކުރިއިރު އެ ފަރާތްތަކަށް ނޯޓިހުގެ ފައިސާގެ ގޮތުގައި ލިބިދީފައިވާ އިނާޔަތްތަކަކީ، އަނބުރާ ވަޒީފާ ލިބިދިނުމަށް އަމުރުކުރާހިނދު އެ ފަރާތްތަކަށް ހައްޤުވާ ފައިސާއެއް ނޫންކަމުން، މުސާރައާއި ޢިނާޔަތް ދިނުމުގައި އެ ފައިސާ އުނިކޮށް މުސާރައާއި ޢިނާޔަތް ދިނުމަށްވެސް އަމުރު ކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަތައް ނިންމި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ތިން މައްސަލަ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ދެކި، ކްރައުން ކޮމްޕެނީގެ ފަރާތުން މި ތިން މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި ތިން މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ބަލާފައިވަނީ އަންނަނިވި ތިން ޤަޟިއްޔާ އިންނެވެ.
ޓްރައިބިއުނަލްގެ މައްސަލަ ނަންބަރު ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު
89/VTR/2011 2012/HC-A/184
93/VTR/2011 2012/HC-A/183
116/VTR/2011 2012/HC-A/182
ބުނެވިދިޔަ ތިން މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމުމުގައި ފާހަގަ ކޮށްފައިވަނީ، ކްރައުން ކޮމްޕެނީގެ ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގައި ކްރައުން ކޮމްޕެނީއަށް ރިޑަންޑަންސީގެ ހާލަތު މެދުވެރިވިކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވާ ކަމަށާއި، އެ ނުކުތާ އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިނުވާތީ، މި މައްސަލަ ހައިކޯޓުން ބަލާފައިވަނީ، ކްރައުން ކޮމްޕެނީގެ ފަރާތުން މި މައްސަލަތަކުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކޮށްފައިވާކަމަށް ބަލައިގެން ކަމަށާއި، ނަމަވެސް މި މައްސަލަތަކުގައި ފުރިހަމައަށް އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކޮށްފައި ނުވާކަމަށެވެ. އަދި މައްސަލަތަކުގެ ވަށައިގެންވާ ކަންކަމަށް ބަލައި، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢަކުރުމަކީ ޢަމަލީ ގޮތުން ކުރެވޭނެ ކަމެއް ކަމުގައި ނުވާތީ، މި ހާލަތުގައި ނަގައިދެވޭނީ މާލީ ބަދަލެއް ކަމަށާއި، މި ފަދައިން ނަގައިދެވޭނެ މާލީ ބަދަލުގެ މިންވަރު ކަނޑައެޅުމަށާއި، ވަޒީފާދޭ ފަރާތުން ރިޑަންޑަންސީގެ ހާލަތުގައި ވަކިކުރާ މުވައްޒަފުންނަށް ޤާނޫނީ ގޮތުން ލިބެންޖެހޭ އެހެނިހެން އިނާޔަތްތައް އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިފައިވޭތޯ ބަލައި، އެއިން ޢިނާޔަތެއް ލިބިދީފައި ނުވާނަމަ އެ ޢިނާޔަތްތައް ލިބިދިނުމުގެ ގޮތުން އެ މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަލުން ބަލައި ފައިސަލާ ކުރަނިވި ނިންމުމެއް ނިންމުމަށް ޓްރައިބިއުނަލަށް ތަޙްވީލު ކުރުމަށް ހައިކޯޓުން ނިންމާފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް ނިންމި ގޮތް
ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަތައް ނިމުމުން، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މި ތިން މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މި ތިން މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަލާފައިވަނީ އަންނަނިވި ތިން ޤަޟިއްޔާ އިންނެވެ.
ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު
2012/HC-A/184 2013/SC-A/35
2012/HC-A/183 2013/SC-A/36
2012/HC-A/182 2013/SC-A/37
ދިވެހިރާއްޖޭގެ ހައިކޯޓުން މި ތިން މައްސަލަ ނިންމި ގޮތް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މި މައްސަލަތަކުގައި ރިޑަންޑަންސީގެ ހާލަތެއް މެދުވެރިވިކަން ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ސާބިތު ކޮށްދެވިފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވާއިރު، އެ ޙާލަތު ކުރިމަތި ވެފައިވާކަމަށް ޓްރައިބިއުނަލުން ނިންމާފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވުމުން، މި މައްސަލަތަކުގެ ވާޤިޢާތައް ކަނޑައެޅުމުގައި ހައިކޯޓަށް އޮޅުން އަރާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން މި މައްސަލތައް ނިންމަމުން މައްސަލަތައް ބެލި ފަނޑިޔާރުން ފާހަގަ ކޮށްފައިވަނީ މި ތިން މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ތިން މައްސަލަ ނިންމާފައިވަނީ އެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅި ފަރާތްތަކުން އެ މައްސަލަތަކުގެ ދަޢުވާގައި އެދިފައިވާ އެންމެހައި ކަންކަން މައުޟޫޢީ ގޮތުން ބަލައި، ފައިސަލާކުރަނިވި ނިންމުމަކުން އެ މައްސަލަތައް ނިންމައިގެން ކަން އެ މައްސަލަތަކުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަ ކަމަށެވެ. ވުމާއެކު މި މައްސަލަތަކަކީ، ކަން ހިނގާފައިވާ ގޮތް އަލުން ބެލުމަށްޓަކައި ޓްރައިބިއުނަލަށް ތަޙްވީލު ކުރުމުގެ އެއްވެސް އަސާސެއް ނެތް މައްސަލަ ތަކެއްކަން ފަނޑިޔާރުން ފާހަގަ ކޮށްފައިވެއެވެ.
އަދި މި މައްސަލަތަކަކީ، ހައިކޯޓުގެ މައްސަލަ ބެލުމުގެ އިޖުރާއަތުގެ ތެރެއިން އިސްތިއުނާފު ކޮށްފައިވާ ފަރާތުގެ އިސްތިއުނާފީ ނުކުތާތަކުގެ ޙުދޫދުގެ ތެރެއިން ފައިސަލާކުރަނިވި ނިންމުމެއް އެ ކޯޓުން ނިންމަންޖެހޭ މައްސަލަތަކެއްކަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ބެލުމުން އެނގެން އޮތުމުން މި މައްސަލަތަކަކީ، މި މައްސަލަތަކުގައި ހުށަހެޅިފައިވާ ވާޤިޢާތަކާއި މައްސަލައާ ގުޅޭ އެންމެހައި ކަންކަމާއި، އަދި ޤާނޫނީ ނުކުތާތައް ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި ވަޒަންކޮށް މައްސަލަތަކުގެ މައުޟޫޢުގެ މައްޗަށް ފައިސަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭ ގޮތަށް އޮތް މައްސަލަތަކެއް ކަމުގައި ކަނޑައަޅައި މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލު ކުރުމަށް ނިންމާފައިވެއެވެ.
ތަޙްވީލު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން މައްސަލަ ބެލުން
ސުޕްރީމް ކޯޓުން އިސްތިއުނާފުކުރެވޭ މައްސަލަތައް އަލުން ބެލުމަށް ހައިކޯޓަށް ތަޙްވީލު ކުރުމަށް ނިންމުމުން އެ މައްސަލަތައް ބަލާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ އަންނަނިވި ޤަޟިއްޔާތަކުގައެވެ.
ސުޕްރީމް ކޯޓުގެ ޤަޟިއްޔާ ނަންބަރު ހައިކޯޓުގެ ޤަޟިއްޔާ ނަންބަރު
2013/SC-A/35 2015/HC-A-02/02
2013/SC-A/36 2015/HC-A-02/01
2013/SC-A/37 2015/HC-A-02/03
އަދި އެ މައްސަލަތައް ބެލުމަށްފަހުގައި ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާއާއި 28 ވަނަ މާއްދާއަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެން އެ ޤާނޫނުގައިވާ ގޮތުގެމަތިންކަން.
މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތު ކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއިން އެނގޭކަން.
ރިޑަންޑަންސީގެ ހާލަތުގައިވެސް މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމަށްފަހުގައިކަން.
ރިޑަންޑަންސީގެ ޙާލަތަކީ، ވަޒީފާއާބެހޭ ޤާނޫނުގައި އެ ޙާލަތު މެދުވެރިވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ގޮތުގެ އުސޫލުތައް ބަޔާންވެފައިވާ ޙާލަތަކަށްނުވެފައި، ވަޒީފާއަދާކުރުމުގެ ޙައްޤަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤެއްކަމުގައިވާތީ، ރިޑަންޑަންސީގެ ޙާލަތުގައި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ، މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިކަން ބެލުމުގައި މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި ޢަމަލުކުރާ ގޮތަށް ރިޢާޔަތް ކުރަންޖެހޭކަން.
މިނިވަން ދީމިޤްރާތީ މުޖުތަމައުތަކުގައި ޢަމަލުކުރާ އުސޫލުތަކަށް ބަލާއިރު، ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމުގައި ބެލެވެނީ ރިޑަންޑަންޓްކުރުމަށް ނިންމި ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވެފައިވާ އިގުތިސާދީ ސަބަބުތަކަށްޓަކައި ހެޔޮ ނިޔަތުގައި ނިންމާފައިވާ ނިންމުމެއް ކަމުގައި ވާނަމަކަން.
އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ވެފައިވާކަމުގައި ކަނޑައެޅޭނީ، ކުންފުންޏަށް ދިމާވެފައިވާ އިޤްތިޞާދީ ޙާލަތުގެ ސަބަބުން، ކުންފުނީގެ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ރިޑަންޑަންޓްކޮށް ވަޒީފާއިން ވަކިކުރަން ޖެހިފައިވާކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ކުންފުނީގެ މުވައްޒަފުންގެ ތެރެއިން ބަޔަކު ރިޑަންޑަންޓް ވުމުގެ ސަބަބުން ކުންފުނީގެ ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާނެ އިޖުރާއަތާއި އުސޫލުތަކަކީ ކޮބައިކަން ކުންފުނީގެ މުވައްޒަފުންނަށް ކުރިއާލާ އަންގާފައިވުމާއި، ރިޑަންޑަންޓް ވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފުން ވަކިކުރެވޭނީ ރިޑަންޑަންސީއަކީ ވަޒީފާއިން ވަކިކުރެވޭފަދަ އެކަށީގެންވާ ސަބަބެއްކަމަށް ބަލައިގެން ކަމަށްވުމާއެކު، ރިޑަންޑަންޓް ވުމުގެ ސަބަބުން ވަކިކުރެވޭ މުވައްޒަފު ވަކިކުރުމުގެ ކުރިން މުވައްޒަފަށް ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ދޭންޖެހޭ ނޯޓިސް ނުވަތަ އެ ނޯޓިހުގެ ބަދަލުގައި ފައިސާ ދީފައިވާނަމަކަމާއި، އަދި ރިޑަންޑަންޓް ވެގެން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތްތަކެއް ދިނުމަށް ކުންފުނިން ކަނޑައަޅާފައިވާނަމަ، އެ ޢިނާޔަތް ލިބިދެވޭނެ ގޮތާއި، މިންގަނޑުތައް ކުރިން ކަނޑައެޅި ކުންފުނީގެ މުވައްޒަފުންނަށް އެންގިފައިވާނަމަކަން.
ބުނެވިދިޔަ އުސޫލުތައް މައްސަލައިގެ ވާޤިޤާތަކަށް ތަޠުބީޤު ކުރުމަށްފަހު އިސްތިއުނާފު ކުރެވޭ މައްސަލަތަކުގައި މުވައްޒަފުން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަކާ ނުލައިކަމަށް ކަނޑައަޅައި، މި މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވެއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކުގެ ރައްދު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-02/01 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2015/HC-A-02/02 ޤަޟިއްޔާއާއި އެ ކޯޓުގެ 2015/HC-A-02/03 ނަންބަރު ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމުގައި ބުނެ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން އަންނަނިވި ނުކުތާތައް ފާހަގަކޮށް މި މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ފުރަތަމަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަތަކުގައި އެންމެ ފުރަތަމަ ނިންމާފައިވާ ނިންމުންތަކުގައި ޞަރީޙަ ޢިބާރާތުން އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ރިޑަންޑަންޓް ކޮށްފައިވަނީ ކްރައުން ކޮމްޕެނީގެ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކުރުމަށްފަހުގައި ކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ވަޒީފާ އަނބުރާ ދޭން ނުޖެހޭނެކަމަށް ބަޔާން ކޮށްފައިވާއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ ނިންމުންތަކުގެ އެ ބައިތައް ބާޠިލުކޮށްފައި ނުވާއިރު، މި މައްސަލަތައް ހައިކޯޓަށް ތަޙްވީލު ކުރުމުން، މުޅި މައްސަލައިގެ ހުރިހާ ބައިތަކެއް އަލުން ބެލުމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 19 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސްތިއުނާފު ކުރެވޭ މައްސަލަތައް ބެލުމަށްފަހު، މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙުވީލު ކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބެންޖެހޭ ބަދަލާމެދު ގޮތެއް ނިންމުމަށް ކަމުގައިވާއިރު، މިކަމަށް ރިޢާޔަތް ކުރުމެއްނެތި މައްސަލަތައް ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ތިންވަނަ ނުކުތާއަކީ، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ހާލަތުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހު ކަމަށްވާއިރު، މި ކަމަށް ރިޢާޔަތް ކުރުމެއްނެތި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަތައް ނިންމާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ހަތަރުވަނަ ނުކުތާއަކީ އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ރިޑަންޑަންސީގެ ހާލަތުގައި ޤާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހު ކަމަށްވާއިރު، މި ކަމަށް ރިޢާޔަތް ކުރުމެއްނެތި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަތައް ނިންމާފައިވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއެވެ.
ފަސްވަނަ ނުކުތާއަކީ، މި މައްސަލަތަކުގައި ކްރައުން ކޮމްޕެނީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމުން، ދެ ފަރާތުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަމުގެ ގުޅުމެއް ނެތްކަން އެނގޭއިރު، މި ކަމަށް ރިޢާޔަތް ކުރުމެއްނެތި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަތައް ނިންމާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
ހަވަނަ ނުކުތާއަކީ، އިސްތިއުނާފު މި ކުރެވޭ މައްސަލަތަކުގައި، އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ އެ ފަރާތްތަކުން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވެފައިވާ ބައެއްކަމުގައި ނުބެލުމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ވަޒީފާ އަލުން އަނބުރާ ދިނުމާ ހަމައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އަމުރުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމްތަކަކީ ޢަދުލުވެރިކަމާއި އިންސާފުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތައް ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ކްރައުން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އަންނަނިވި ނުކުތާތައް ފާހަގަކޮށްފައި ވެއެވެ.
ކްރައުން ކޮމްޕެނީގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއާއި ދެވަނަ ނުކުތާގައި ކްރައުން ކޮމްޕެނީގެ ފަރާތުން އެދިފައިވާ ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފު ކުރެވިފައިވާ މައްސަލަތައް އަލުން ބެލުމަށް ތަޙްވީލު ކުރުމަށް ނިންމާފައިވާ އެއްވެސް ނިންމުމެއްގައި، ހައިކޯޓުން ކޮށްފައިވާ ޙުކުމްތަކުގެ ވަކި ބަޔަކަށް ތާއީދުކޮށް، އަނެއް ބައިތަކަށް ތާއިދުކޮށްފައި ނުވާކަން ސުޕްރީމް ކޯޓުން މި މައްސަލަތައް ތަޙްވީލު ކުރުމަށް ކޮށްފައިވާ ޙުކުމްތަކުން ސާފުކޮށް އެނގޭކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެއެވެ.
ކްރައުން ކޮމްޕެނީގެ ފަރާތުން މި މައްސައިގައި މުވައްޒަފުން ރިޑަންޑަންޓް ކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާއިރު، އެ ކަންކަމަށް މި މައްސަލަތައް ހައިކޯޓުން ނިންމުމުގައި ރިޢާޔަތް ކޮށްފައި ނުވާކަމަށް ބުނިނަމަވެސް އެކަން އޮތީ އެ ގޮތުގައި ނޫންކަމަށް ބުނެފައިވެއެވެ. މި ގޮތުން މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން މި މައްސަލަތަކާ ގުޅިގެން ކްރައުން ކޮމްޕެނީގެ ފަރާތުން ޤާއިމުކޮށްފައި ނުވާކަން އަންނަނިވި ކަންކަމުން އެނގޭނެ ކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެއެވެ،
ރިޑަންޑަންސީގެ ހާލަތެއް މެދުވެރިވެގެން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމުގައި ބެލެވޭނީ މުވައްޒަފުން ވަކި ކުރަން ނިންމި ނިންމުމަކީ ޙަޤީޤަތުގައިވެސް ކުންފުންޏަށް ކުރިމަތިވި އިޤްތިޞާދީ ސަބަބަކަށްޓަކައި ކުރިކަމެއް ކަމުގައިވާނަމަކަމާއި، މި އުސޫލުން ބަލާއިރު، ކްރައުން ކޮމްޕެނީގެ ފަރާތުން ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ އިތުރުން އިތުރު ދެ ރިސޯޓު ހިންގާފައިވާއިރު، އެއިން ރިސޯޓަކުން އެއްވެސް މުވައްޒަފަކު ރިޑަންޑަންޓް ނުވާކަމާއި، 2011 ވަނަ އަހަރަށްވުރެ 2010 ވަނަ އަހަރާއި އޭގެ ކުރީގެ އަހަރުތަކުގައި ރިސޯޓުގެ އޮކިއުޕަންސީ ދަށްވެފައިވާކަން ޓްރައިބިއުނަލްގައި ސާބިތުކޮށްދީފައިވާނެކަމާއި، ނަމަވެސް އެއިން އެއްވެސް ފަހަރަކު މުވައްޒަފަކު ރިޑަންޑަންޓް ކޮށްފައިނުވާކަން ފާހަގަ ކޮށްފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން "ޓަރމިނޭޝަން ނޯޓިސްގައި" ބުނެފައިވަނީ ރިސޯޓުގެ ބައެއް ކޮޓަރިތައް ބަންދުކުރުމަށް ނިންމުމާ ގުޅިގެން މުވައްޒަފުން ވަކިކުރުމަށް ނިންމީކަމުގައި ނަމަވެސް، ކްރައުން ކޮމްޕެނީގެ ފަރާތުން މި ހާދިސާގައި މުވައްޒަފުން ވަކިކުރި ދުވަހާ ޖެހިގެން އައި ދުވަހު މިނިސްޓްރީ އޮފް ޓޫރިޒަމަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވަނީ ރިސޯޓުގެ ކޮޓަރިތަކެއް އިތުރަށް މަރާމާތު ކުރުމަށްފަހު އަލުން ހުޅުވަނީ ކަމަށެވެ. މިހެންކަމުން ރިސޯޓުގެ ވިޔަފާރިއަށް ނޭދެވޭ އަސަރެއް ނުކުރާކަން ސާފުވާކަމަށް އެނގިގެންދާކަން ފާހަގަކޮށްފައިވެއެވެ.
ރިޑަންޑަންސީގެ ހާލަތެއް ކުރިމަތިވި ކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމަށްފަހު، އެ އަހަރު އޮގަސްޓް މަހުގައި ރިސޯޓަށް ގިނަ މުވައްޒަފުންތަކެއް ހޯދުމުގެ މަސައްކަތް ފަށާފައިވުމުން ކްރައުން ކޮމްޕެނީގެ ފަރާތަށް މާލީގޮތުން ދަތި ހާލަތެއް ކުރިމަތިވެފައި ނުވާކަން އިތުރަށް ސާފުވެގެންދާކަން ފާހަގަކޮށްފައިވެއެވެ.
އިޖުރާއީ ޢަދުލުވެރިކަމަށް ބަލާއިރު، ރިޑަންޑަންސީގެ ހާލަތެއް މެދުވެރިވެގެން މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރިއިރު، ވަކިކުރި މުވައްޒަފުން އިޚްތިޔާރު ކޮށްފައިވަނީ ކޮން ގޮތަކަށް، ކޮން ކަންތައްތަކެއް ވަޒަންކޮށްގެންކަން ކްރައުން ކޮމްޕެނީއަށް ބުނެދެވިފައި ނުވާކަމާއި، އަދި މި ހާދިސާގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަކިކުރެވުނުއިރު، ޕްރޮބޭޝަން މުއްދަތުގައި ތިބި މުވައްޒަފުންނާއެކު، ވަގުތީ މުވައްޒަފުންގެ ގޮތުގައި 52 (ފަންސާސް ދޭއް) މުވައްޒަފުން ތިބިއިރު، އެއިން އެއްވެސް މުވައްޒަފެއް ވަކިކުރުމެއްނެތި ދާއިމީ ވަޒީފާގައި ތިބި މުވައްޒަފުންތަކެއް ވަކިކުރުމަށް ނިންމީ ކީއްވެގެންކަން ކްރައުން ކޮމްޕެނީއަށް ބުނެދެވިފައި ނުވާކަން ފާހަގަ ކޮށްފައިވެއެވެ.
ދެ ފަރާތުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަމުގެ ގުޅުމެއް ނެތްކަން އެނގޭއިރު، އެކަމަށް މި މައްސަލަތައް ނިންމުމުގައި ހައިކޯޓުން ރިޢާޔަތްކޮށްފައި ނުވާކަމަށް ކްރައުން ކޮމްޕެނީގެ ފަރާތުން ބުނިނަމަވެސް، އެއީ ޙަޤީޤަތެއް ނޫންކަމަށާއި، ދެ ފަރާތުގެ ދެމެދުގައި އިތުބާރާއި ޔަޤީންކަމުގެ ގުޅުމެއް ނެތްކަމަށް ބުނެ ކްރައުން ކޮމްޕެނީގެ ފަރާތުން ފާހަގަކުރާ ކަންކަމަކީ، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ މާ ފަހުގެ ތާރީޚެއްގައި ހިނގާފައިވާކަމަށް އެ ފަރާތުން ބުނާ ކަންތައްތަކެއްކަމަށް އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނެއެވެ.
އިސްތިއުނާފު ރައްދުވާ ފަރާތްތަކަކީ އެ ފަރާތުން އަދާކުރަމުންދިޔަ ވަޒީފާއިން ވަކިވެފައިވާ ބައެއްކަމުގައި ނުބެލުމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ވަޒީފާ އަލުން އަނބުރާ ދިނުމާ ހަމައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް އަމުރުކޮށް ހައިކޯޓުން ކޮށްފައިވާ ޙުކުމްތަކަކީ ޢަދުލުވެރިކަމާއި އިންސާފުން ބޭރުން ނިންމާފައިވާ ނިންމުމެއް ކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނިނަމަވެސް، މި މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ދީފައިވާ ފަރުވާއަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަރުވާއެއް ކަމުގައިވުމުން، އެއީ ޢަދުލުވެރި ނޫން ނުވަތަ އިންސާފުން ބޭރުން ދީފައިވާ ފަރުވާއެއް ކަމުގައި ބެލެވޭނެ ތަނެއް ނެތްކަމުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ދެކެއެވެ.
ސުޕްރީމް ކޯޓުން މައްސަލަ ތަޙްވީލު ކުރުން
ކްރައުން ކޮމްޕެނީގެ ފަރާތުން ދެކޭ ގޮތުގައި މި މައްސަލަތައް ހައިކޯޓުން އެންމެ ފުރަތަމަ ބަލައި ނިންމި ނިންމުމުގައި މި މައްސަލަތަކުގައި މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކޮށްފައި ކަމުގައި ނިންމާފައިވެއެވެ. އަދި އެ ކަމުގެ ސަބަބުން ވަޒީފާ އަނބުރާ ދޭން ނުޖެހޭނެކަމަށް އެ ނިންމުންތަކުގައި ބަޔާންވެފައިވެއެވެ. އަދި މި ބައި، އެ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ދަމަހައްޓާފައިވެއެވެ. އަދި ސުޕްރީމް ކޯޓުން ބާޠިލު ކޮށްފައިވަނީ ބަދަލުގެ މިންވަރު ކަނޑައެޅުމަށް މި މައްސަލަތައް ޓްރައިބިއުނަލްއަށް ފޮނުވުމަށް ހައިކޯޓުން ނިންމާފައިވާ ބައިކަމުގައި ކްރައުން ކޮމްޕެނީގެ ފަރާތުން ބުނެއެވެ.
ހައިކޯޓުން ބަލައި ނިންމާފައިވާ މައްސަލައެއް އަލުން ބެލުމަށް އެ ކޯޓަށް ތަޙުވީލު ކުރުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބި ދީފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) އިންނެވެ. މި އަކުރުގެ ދަށުން ހައިކޯޓަށް މައްސަލައެއް ތަޙުވީލު ކުރެވޭނީ އެ މައްސަލައަކީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް އަލުން ބަލަންޖެހޭ ގޮތަށް އޮތް މައްސަލައެއް ކަމުގައިވާނަމަ އެވެ.
އިސްތިއުނާފު ކުރެވިފައިވާ ތިން މައްސަލައަށް ބަލާއިރު، އެ ތިން މައްސަލައިގެ ދަޢުވާގައި އެދިފައިވާ އެންމެހައި ކަންކަން މައުޟޫޢީ ގޮތުން ބަލައި، ފައިސަލާ ކުރަނިވި ނިންމުމަކުން އެ މައްސަލަތައް ޓްރައިބިއުނަލުން ނިންމާފައިވާކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. މި ސަބަބަށްޓަކައި، މި މައްސަލަތަކަކީ، ޓްރައިބިއުނަލަށް ތަޙްވީލު ކުރުމުގެ އެއްވެސް އަސާސެއްނެތް މައްސަލަތަކެއް ކަމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.
އިސްތިއުނާފު ކުރެވިފައިވާ މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލު ކުރުމުން ހައިކޯޓުން އެ މައްސަލަތައް ބެލުމުގައި ހައިކޯޓުގެ ނިންމުމުގެ ވަކި ބަޔަކަށް ތާއީދު ކޮށްފައިވާކަން ނުވަތަ ނޫންކަމަށް ބަލާއިރު، މައްސަލައިގެ ފާހަގަކުރެވުނު އެއްވެސް ނުކުތާއެއްގައި ހައިކޯޓުގެ ނިންމުމުގެ ވަކި ބަޔަކަށް ތާއީދު ކޮށްފައިވާކަން އެނގެން ނެތެވެ. އަދި މީގެ އިތުރުން، ފާހަގަކުރެވުނު ނުކުތާތަކުގެ އެންމެ ފަހު ނުކުތާގައި ފާހަގަ ކޮށްފައިވަނީ، "މި މައްސަލައަކީ މި މައްސަލައިގައި ހުށަހެޅިފައިވާ ވާޤިޢާތަކާއި މައްސަލައާ ގުޅޭ އެންމެހައި ކަންކަމާއި، އަދި ޤާނޫނީ ނުކުތާތައް ދިވެހިރާއްޖޭގެ ހައިކޯޓުން އަލުން ބަލައި ވަޒަންކޮށް މައްސަލައިގެ މައުޟޫޢުގެ މައްޗަށް ފައިސަލާ ކުރަނިވި ޙުކުމެއް ކުރަންޖެހޭ ގޮތަށް އޮތް މައްސަލައެއްކަން ސާފުކޮށް އެނގެން އޮންނަ އޮތުމެވެ." މި ފަދައިންނެވެ.
މަތީގައިވާ ޢިބާރާތަށް ބަލާއިރު، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ހައިކޯޓުން މި މައްސަތައް ބެލުމަށް ކަނޑައަޅާފައިވާ ޤާނޫނީ އުސޫލަކީ، މައްސަލަތައް ތަޙްވީލު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަތަކުގައި ހުށަހެޅިފައިވާ ވާޤިޢާތަކާއި މައްސަލަތަކާ ގުޅޭ އެންމެހައި ކަންކަމާއި، އަދި ޤާނޫނީ ނުކުތާތައް އަލުން ބެލުންކަން އެނގެއެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަތައް ތަޙްވީލު ކުރުމުން އަލުން ބަލާފައިވަނީ މި އުސޫލުންކަން މައްސަލަތަކުގެ ނިންމުންތަކުން ސާފުކޮށް އެނގެއެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 18 ވަނަ މާއްދާގެ (ށ) ގެ ދަށުން ސުޕްރީމް ކޯޓުން ހައިކޯޓަށް މައްސަލައެއް ތަޙްވީލު ކުރާނަމަ، ހައިކޯޓުން އެ މައްސަލަ ބެލުމުގައި ޢަމަލުކުރާނެ ޤާނޫނީ އުސޫލު ކަނޑައަޅައެވެ. މި ކަން ސުޕްރީމް ކޯޓުން ނިންމާފައިވާ، ބަނީ ހޯލްޑިންގްސް (ބީ.ވީ.އައި) ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މައްސަލައާއި، އާދަމް ޙަލީމް ވ. ފާޠިމަތު އާދަމް މައްސަލައާއި، ޞާބިރާ ޙުސައިން މޫސާ ވ. ޢަޒީޒާ ޙުސައިން މައްސަލައާއި، ޒުންނަވާރު ސަލީމް ވ. އެންޓި-ކޮރަޕްޝަން ކޮމިޝަން އަދި އިތުރު 2 ފަރާތް މައްސަލައާއި، އަޙްމަދު ޢަލީ ވ. ޢަބްދުﷲ ލަތީފް މައްސަލައާއި ޢިމާދު ޔޫސުފް ވ. ސީ އެންޑް ސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މައްސަލައިން އެނގެއެވެ.
ރިޑަންޑަންސީގެ ޙާލަތެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން
މި މައްސަލަތައް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނުއިރު، ވަޒީފާއާބެހޭ ޤާނޫނުގައި ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އޮންނަ އެކަށީގެންވާ ސަބަބެއްކަމަށް ބަޔާންކޮށްފައިނުވެއެވެ. ވުމާއެކު، ޓްރައިބިއުނަލްގައްޔާއި، މި މައްސަލަތައް ދިވެހިރާއްޖޭގެ ހައިކޯޓުން ދެ ފަހަރެއްގެ މަތިން ބަލާފައިވާއިރު، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވިކަން ނުވަތަ ނޫންކަން ބެލުމުގައްޔާއި، އަދި އެ ޙާލަތު މެދުވެރިވެގެން މުވައްޒަފުން ވަކި ކުރުމުގައި ގެންގުޅެންޖެހޭ އިޖުރާއަތުތައް ކަނޑައެޅުމުގައި ބުރަވެފައިވަނީ މިނިވަން ދީމިޤްރާތީ މުޖުތަމަޢުތަކުގައި އެ ކަންކަމުގައި ޢަމަލުކުރާ އުސޫލުތަކެވެ. މި އުސޫލުތަކަށް ރިޢާޔަތްކޮށް މި މައްސަލައިގައި ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ހައިކޯޓުން ގެންގުޅެފައިވާ ޓެސްޓަކީ، ޙަޤީޤަތުގައިވެސް ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައިވާކަން ނުވަތަ ނޫންކަން ބެލުމުގެ ޓެސްޓެވެ.
ރިޑަންޑަންސީގެ ޙާލަތަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ އެކަށީގެންވާ ސަބަބެކެވެ. އަދި މިފަދަ ޙާލަތެއް ޙަޤީޤަތުގައިވެސް މެދުވެރިވެފައިވާކަން ސާބިތު ކޮށްދިނުމުގެ ޒިންމާއަކީ ކުރިންވެސް އިޝާރާތް ކުރި ފަދައިން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގެ ދަށުން ވަޒީފާ ދިން ފަރާތުން އުފުލަންޖެހޭ ޒިންމާއެކެވެ.
ޙަޤީޤީ ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެފައިވާކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ރިޢާޔަތް ކުރެވިދާނެ ކަންތައްތަކެއް ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު ގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަ ކުރައްވާފައިވެއެވެ. އެ ކަންތައްތައް ތިރީގައި މިވަނީއެވެ.
ވަޒީފާއަދާކުރާ ތަނުގައި މުވައްޒަފު ކުރަމުން ދިޔަ ބާވަތުގެ މަސައްކަތްކުރުން އެއްކޮށް ހުއްޓުނީތޯ ނުވަތަ މަދުކުރީތޯ، ނުވަތަ މުސްތަޤުބަލުގައި ހުއްޓޭނެތޯ ނުވަތަ މަދުވާނެތޯ.
މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާފަދަ ސަބަބެއް އޮވެގެންތޯ.
ދެ ފަރާތު ދެމެދު ވެފައިވާ އެއްބަސްވުމުގައި މި ހާލަތާމެދު ބުނެފައިވަނީ ކީކޭކަން.
ބުނެވިދިޔަ ކަންކަން އިތުރަށް ތަފުސީލުކުރަމުން ރިޑަންޑަންސީގެ ޙާލަތެއް ޙަޤީޤަތުގައި މެދުވެރިވެފައިވާކަން ނުވަތަ ނޫންކަން ކަށަވަރު ކުރުމުގައި ރިޢާޔަތް ކުރެވިދާނެ ކަންތައްތަކެއް އެ ޤަޟިއްޔާގައި ޑރ. އަޒްމިރާލްދާ ޒާހިރު ފާހަގަ ކޮށްފައިވެއެވެ. މި ގޮތުން "ވަޒީފާއަދާ ކުރާ ތަނުގެ އޮނިގަނޑަށް އައި ބަދަލަކާ ގުޅިގެންވިޔަސް، އިޤްތިޞާދީ ޙާލަތެއް މެދުވެރިވެގެން ވިޔަސް ނުވަތަ މިނޫންވެސް އެހެން ސަބަބަކާ ހުރެ މުވައްޒަފަކު ވަޒީފާއިން ރިޑަންޑަންޓް ކޮށްފައިވާނަމަ، އެފަދަ ޙާލަތެއް ހަމަ ޙަޤީޤަތުގައިވެސްވޭތޯ ކަނޑައެޅުމަށްޓަކައި، (1) މުވައްޒަފު ކުރަމުން ދިޔަ ބާވަތުގެ މަސައްކަތް ކުރުން ވަޒީފާ އަދާކުރާ ތަނުގައި އެއްކޮށް ހުއްޓުނީތޯ ނުވަތަ މަދުކުރީތޯ (2) ނުވަތަ މުސްތަޤުބަލުގައި ހުއްޓޭނެތޯ ނުވަތަ މަދުވާނެތޯ ބަލަންވާނެއެވެ. އެގޮތުން، ރިޑަންޑަންޓްކުރި މުވައްޒަފު ކުރާ ބާވަތުގެ މަސައްކަތް ތަނުގެ އެހެން މުވައްޒަފުން ކުރޭތޯ ބަލަންވާނެއެވެ. އަދި މިގޮތަށް އެއްކަހަލަ މަސައްކަތް ކުރާ އެހެން މުވައްޒަފުން ތިބި ނަމަ، ރިޑަންޑަންޓް ކުރި މުވައްޒަފު ރިޑަންޑަންސީއަށް ހޮވުނު ގޮތަށް ރިޢާޔަތް ކުރަންވާނެއެވެ. އެގޮތުން، އެއްކަހަލަ މަސައްކަތެއް ކުރާ ދެންތިބި މުވައްޒަފުންނާ އަޅާ ބަލާއިރު ތަޢުލީމާއި ތަޖުރިބާ އަދި ވަޒީފާ އަދާ ކުރާ ތަނުގައި ޚިދުމަތްކުރި މުއްދަތު ފަދަ ކަންކަމަށް ރިޢާޔަތް ކުރެވިދާނެއެވެ."
މުވައްޒަފު ވަޒީފާއިން ވަކިކުރާ ވަކިކުރުމާ ރިޑަންޑަންސީގެ ޙާލަތާއި ގުޅުމެއް އޮތްކަން ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭން ޖެހޭނެއެވެ. އަދި ދެ ފަރާތު ދެމެދު އޮތް ވަޒީފާގެ އެއްބަސްވުމުގައި ކަމާ ގުޅޭ މާއްދާތަކެއް ހުރިނަމަ، އެ ކަންކަމަށް ރިޢާޔަތް ކުރަންވާނެ ކަމުގައިވެސް ކުރިން އިޝާރާތް ކުރެވުނު ޤަޟިއްޔާގައި ފާހަގަ ކޮށްފައިވެއެވެ.
މި ބުނެވިދިޔަ ކަންކަމަކީ، ޙަޤީޤީ ރިޑަންޑަންސީއެއް އޮތްކަން ނުވަތަ ނޫންކަން ނުވަތަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން ނުވަތަ ނޫންކަން ބެލުމުގައި އަހުރެންވެސް ބުރަވާ އަދި އެ ކަންކަމަށް އަހުރެން ތާއީދު ކުރާ ކަންކަމެވެ.
މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން ބެލުން
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަކިކޮށްފައިވަނީ، ކްރައުން ކޮމްޕެނީގެ ފަރާތުން ހިންގާ ކޮންރަޑް ރަންގަލި އައިލެންޑްގެ 32 (ބައްތިރީސް) ވޯޓަރ ވިލާއާއި، 08 (އަށެއް) ޑިލަކްސް ވިލާ، 15 މެއި 2011 އިން 31 އޮކްޓޯބަރ 2011 ގެ ނިޔަލަށް ބަންދުކުރުމާ ގުޅިގެން، އެ މުއްދަތަށް ރިސޯޓުގެ އޮކިއުޕެންސީ ދަށްވާނެކަމަށް ލަފާކޮށް އެ ފަރާތްތައް އަދާކުރަމުންދިޔަ މަޤާމުތައް އުވާލުމާ ގުޅިގެންކަން މުވައްޒަފުން ވަޒީފާއިން ވަކިކުރި ލިޔުމުން އެނގެއެވެ.
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވުމުން އެ ޙާލަތުގައި މުވައްޒަފުން ވަކިކުރާ ކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން ނުވަތަ ނޫންކަން ދެނެގަތުމުގައި ކޮންމެ މައްސަލައަކީ ތަފާތު މައްސަލައެއްކަމުގައި ބަލައި، ކޮންމެ މައްސަލައެއްގައިމެ އެ މައްސަލައިގެ ވާޢިޤާތައް ހުރިނެތް ގޮތާއި، ވަށައިގެންވާ އެންމެހައި ކަންކަމަށް ރިޢާޔަތް ކުރަންޖެހޭނެ ކަމުގައި ދެކެމެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ މުވައްޒަފުން ރިޑަންޑަންސީގެ ސަބަބުން ވަޒީފާއިން ވަކިކުރިކަން އަންގައި މުވައްޒަފުންނަށް ފޮނުވާފައިވާ ނޯޓިސްތަކުގައި އިސްތިއުނާކުރާ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ. އިސްތިއުނާފު ރައްދުވާ އެންމެހައި ފަރާތްތަކަށް ފޮނުވުނު މި ނޯޓިސްތަކުގައިވާ ޢިބާރާތްތަކަކީ އެއް ޢިބާރާތްތަކެއްކަންވެސް މި ފުރުސަތުގައި ފާހަގަ ކުރަމެވެ.
މި ނޯޓިސްގެ މަޤުޞަދަކީ، އަހަރުގެ ބާކީ އޮތް ތަނުގައި، ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ހިންގުމަށް ގެނެވުނު ބަދަލުތަކާއި އެ ބަދަލުތަކާ ގުޅިގެން މުވައްޒަފަށް އަންގަންޖެހޭ އެންގުންތަކެއް ހިމެނިފައިވާ ނޯޓިހެއްކަން.
ރިސޯޓުގެ 32 (ބައްތިރީސް) ވޯޓަރ ވިލާއާއި، 08 (އަށެއް) ޑިލަކްސް ބީޗް ވިލާ 15 މެއި 2011 އިން ފެށިގެން 31 އޮކްޓޯބަރ 2011 ގެ ނިޔަލަށް ބަންދުކުރާކަން. މިއީ ރިސޯޓުގެ ރޫމް އިންވެޓްރީގެ 27% (ހަތާވީސް އިން ސައްތަ) ކަން.
ރިސޯޓުގެ އޮކިއުޕެންސީ މެއި 2011 ގައި 15% (ފަނަރަ އިން ސައްތަ) އަށް ދަށްވާނެކަން. އަދި 2011 ޖޫން އިން ފެށިގެން 2011 އޮކްޓޯބަރ ގެ ނިޔަލަށް އިތުރަށް އޮކިއުޕެންސީ ދަށްވާނެކަމަށް ލަފާކުރެވޭކަން.
ބުނެވިދިޔަ ކަންކަމުގެ ނަތީޖާއެއްގެ ގޮތުން ރިޑަންޑަންޓް ކުރެވޭ މުވައްޒަފުގެ މަޤާމު އިތުރަށް ރިސޯޓަށް ބޭނުންނުވާކަމާއި، އެކަމުގެ ސަބަބުން މުވައްޒަފުގެ ވަޒީފާއިން ވަގުތުން ވަކި ކުރާކަން.
ވަޒީފާގައި ހޭދަކޮށްފައިވާ މުއްދަތަށް ބަލައި، ވަޒީފާއިން ވަކިކުރުމުގައި ދޭންޖެހޭ ނޯޓިހުގެ ބަދަލުގައި އެ މުއްދަތަށްވާ ފައިސާ ދިނުމަށް ނިންމާފައިވާކަން.
ވަޒީފާއާބެހޭ ޤާނޫނުގައި ރިޑަންޑަންސީއާބެހޭ މާއްދާތަކެއް ބަޔާންވެފައި ނުވާކަމާއި، ނޯޓިހަށްވާ ފައިސާގެ އިތުރުން "ރިޑަންޑަންސީ ޕޭމަންޓް" ގެ ގޮތުގައި ނޯޓިހުގެ މުއްދަތަށް، އަދި އެ ޢަދަދަށް އިތުރަށް ފައިސާ ދިނުމަށް ނިންމާފައިވާކަން.
ރިޑަންޑަންސީ ޕޭމަންޓަކީ އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނެ މުއްދަތުގައި މާލީ ގޮތުން އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ދެވޭ ފައިސާއެއްކަން.
ވަޒީފާއިން ވަކިކުރުމާ ހަމައަށް ޙައްޤުވާ ޗުއްޓީތަކަށް ދޭންޖެހޭ ފައިސާއެއް އޮތްނަމަ އެ ފައިސާވެސް ދެވޭނެކަން.
ކްރައުން ކޮމްޕެނީގެ ފަރާތުން ދެކޭ ގޮތުގައި އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-02/01 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2015/HC-A-02/02 ޤަޟިއްޔާއާއި އެ ކޯޓުގެ 2015/HC-A-02/03 ނަންބަރު ޤަޟިއްޔާގައި މުވައްޒަފުން ވަކިކުރި ކުރުމުގައި ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެފައި ނުވާކަމުގައި ނުވަތަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާ ކަމުގައި ނިންމާފައިވަނީ މައްސަލައިގެ ވާޤިޢާތަކަށް އެކަށީގެންވާ ގޮތަށް ރިޢާޔަތްކުރުމެއްނެތި ކަމަށެވެ. މި ގޮތުން އެ ކުންފުނީގެ ފަރާތުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ 32 (ބައްތިރީސް) ވޯޓަރ ވިލާއާއި، 08 (އަށެއް) ޑިލަކްސް ވިލާ 15 މެއި 2011 އިން ފެށިގެން 31 އޮކްޓޯބަރ 2011 ގެ ނިޔަލަށް ބަންދު ކުރުމާ ގުޅިގެން މި މުއްދަތުގައި ރިސޯޓުގެ އޮކިއުޕެންސީ ދަށްވެ، ކުންފުނީގެ މާލީ ޙާލަތަށް ލޮޅުމެއް އަންނާނެކަން ބެލުމަށްފަހު، މުވައްޒަފުން ވަކިކުރަން ނިންމި ނިންމުމަކީ، މުވައްޒަފުން ވަކި ކުރުމަށް އެކަށީގެންވާ ސަބަބެއް ކަމަށް އެ ކުންފުނިން ދެކޭކަން.
މަތީގައި ބުނެވުނު ވާޤިޢާއާ ގުޅިގެން މި މައްސަލަތައް ނިންމަމުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން "ވަޒީފާއަކީ، އޭގެ ޒާތުގައި ވަޒީފާ ދޭ ފަރާތެއްގެ ބޭނުންތަކެއްގެ މައްޗަށް ބިނާވެ ވުޖޫދަށް އަންނަ ކަމެއްކަމުން، ވަޒީފާ ދޭ ފަރާތެއްގައި ނެތް މަސައްކަތެއް ކުރުމަށް މުވައްޒަފަކު ވަޒީފާގައި ބެހެއްޓުމަށް ވަޒީފާދޭ ފަރާތަށް ލާޒިމު ކުރުމަކީ ކުރެވިދާނެ ކަމެއްކަމަށް ނުދެކޭ" ކަމަށް ފާހަގަ ކޮށްފައިވާކަމާއި، އަދި "ދިގު މުއްދަތަކަށް ވިޔަފާރީގެ ބައެއް ބަންދު ކުރަންޖެހުމަކީ "މުވައްޒަފުންތަކެއް މަދު ކުރުމަށް ހުއްދަކުރާ ޙާލަތެއްގެ ގޮތުގައި ގިންތި ކުރެވިދާނެ ކަމަށް ބުރަވެވޭ" ކަމަށް ފާހަގަކޮށްފައިވާކަން.
ބުނެވިދިޔަ މައްސަލައިގެ ވާޤިޢާއާއި، އެ ވާޤިޢާއާ ގުޅޭ ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި ތިން މައްސަލައިގައި ނިންމާފައިވާ ނިންމުމަކީ ޞައްޙަ ނިންމުމެއް ނޫންކަމުގައި އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާތަކުގައި ކަނޑައަޅާފައި ނުވާކަން.
އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ ކްރައުން ކޮމްޕެނީއަށް ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެގެން ނޫންކަމަށް ބުނެ އަންނަނިވި ކަންކަން އެ ފަރާތްތަކުން ފާހަގަކޮށްފައިވެއެވެ.
ކްރައުން ކޮމްޕެނީގެ ފަރާތުން ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓު ފިޔަވައި އިތުރު ދެ ރިސޯޓު ހިންގަމުންދާއިރު، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރި ދުވަސްވަރަކީ، އެ ދެ ރިސޯޓުގައިވެސް އޮކިއުޕަންސީ ދަށްވާނެ ދުވަސްތަކެއް ނަމަވެސް އެ ދެ ރިސޯޓުން މުވައްޒަފުންތަކެއް ރިޑަންޑަންޓް ކުރެވިފައި ނުވާކަން.
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެގެން 2011 ވަނަ އަހަރު މުވައްޒަފުންތަކެއް ވަކިކުރިއިރު، 2010 ވަނަ އަހަރާއި، އޭގެ ކުރީ ބައެއް އަހަރުތަކުގައި އޮކިއުޕަންސީ ދަށްވެފައިވާކަން ޓްރައިބިއުނަލްގައި ސާބިތުކޮށްދީފައިވާއިރު އެއިން އެއްވެސް އަހަރެއްގައި ރިޑަންޑަންސީގެ ޙާލަތުގެ ދަށުން މުވައްޒަފެއް ވަކިކޮށްފައި ނުވާކަން.
ކްރައުން ކޮމްޕެނީގެ ފަރާތުން ދީފައިވާ ޓާމިނޭޝަން ނޯޓިސްގައި އޮކިއުޕަންސީ ދަށްވާނެ ކަމަށް ލަފާކޮށްފައިވާ ދުވަސްވަރަކީ، ޢާންމު ގޮތެއްގައި ރިސޯޓުތަކުގެ އޮކިއުޕަންސީ ދަށްވާ ދުވަސްވަރެއް ކަމުގައިވާތީ، ކްރައުން ކޮމްޕެނީގެ ފަރާތުން އެދޭ ފަދައިން ރިޑަންޑަންސީގެ ޙާލަތް އޮތްކަމުގައި ކަނޑައެޅިއްޖެނަމަ، އޮކިއުޕަންސީ ދަށްވާ ކޮންމެ ފަހަރަކު، މުވައްޒަފުން ރިޑަންޑަންޓް ކުރެވޭނެ އުސޫލެއް ޤާއިމު ކުރެވުނީ ކަމުގައި ދެކޭކަން.
ކްރައުން ކޮމްޕެނީގެ ފަރާތުން ސަރުކާރުގެ އިދާރާތަކަށް ފޮނުވާފައިވާ ލިޔުންތަކުން ކްރައުން ކޮމްޕެނީގެ ވިޔަފާރިއަށް ނޭދެވޭ އަސަރުކޮށްގެން އުޅޭކަން ދޭހަ ނުވާކަމަށާއި، އެ ފަރާތަށް ކުރިމަތިވެގެން އުޅެނީ އޮފް ސީޒަނާކަން އެނގޭކަން.
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވެފައި ނުވާކަން ހައިކޯޓުން ފާހަގަކޮށްފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން މި މައްސަލަތައް ނިންމި ގޮތުގެ ރިޕޯޓުން ފާހަގަވެއެވެ.
ރިސޯޓަކުންދޭ ޚިދުމަތަކާ ގުޅިގެން އެ ރިސޯޓުގައި ހުންނަ ޢިމާރާތްތަކާއި އައުޓްލެޓްތައް ބަންދުކުރުމަކީ ވިޔަފާރި ކުރުމުގެ ތެރޭގައި މެދުވެރިވާނެ ޢާންމު ޙާލަތްތަކެއްކަމާއި، އެފަދަ ކޮންމެ ޙާލަތަކީ ރިޑަންޑަންސީ އިޢުލާން ކުރެވިދާނެ ޙާލަތެއް ނޫންކަން.
މި ހާދިސާގައި މުވައްޒަފުން ވަކި ކުރުމުގެ ބަދަލުގައި މުވައްޒަފުންނާ ވާހަކަ ދައްކާ މަޝްވަރާކޮށް ކުރިމަތިވާން އުޅޭ ޙާލަތު އަންގައިދީ ވަޒީފާދޭ ފަރާތާއި މުވައްޒަފުންގެ މަސްލަހަތު ހިމާޔަތް ކުރެވޭނެ ގޮތެއްގެ މަތިން އެހެން ގޮތްތަކެއް ކަނޑައެޅިދާނެކަން.
މުވައްޒަފުން ވަކި ކުރުމުގެ ބަދަލުގައި މުސާރަ ނުހިނގާ ޗުއްޓީއެއް އެ މުއްދަތުގައި ދިނުން ނުވަތަ މުސާރައިގެ ދެބައިކުޅަ އެއްބައި ދޭ ގޮތަށް ޗުއްޓީ ދިނުން ނުވަތަ މިނޫންވެސް ގޮތެއް ހަމަޖެއްސިދާނެކަން.
ރިޑަންޑަންޓްކުރިކަމަށް ބުނާ ސަބަބާ ގުޅުންހުރި ހެކިތައް
ރިޑަންޑަންސީގެ ހާލަތެއް މެދުވެރިވިކަން ސާބިތުކުރުމަށް ހުށަހަޅާ ހެކި ވާންޖެހޭނީ ރިޑަންޑަންސީގެ ހާލަތު މެދުވެރިވިކަމުގައި ބަލައި، މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމި ސަބަބާ ގުޅޭ ހެކިތަކަށެވެ. މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާ ސަބަބަށް ބަލާއިރު އެ ސަބަބުގައި މައިގަނޑު 3 (ތިނެއް) ކަމެއް ހިމެނިފައިވެއެވެ. މިކަންކަން ތަރުތީބުވެފައިވަނީ އެއްކަމެއްގެ ނަތީޖާގެ މައްޗަށް އަނެއްކަންތައް ތަރުތީބުވެގެން އަންނަ ގޮތަށެވެ. އެ ކަންކަމަކީ؛
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ރޫމް އިންވެންޓްރީގެ %27 (ހަތާވީސް އިން ސައްތަ) ކަމުގައިވާ އެ ރިސޯޓުގެ 32 (ބައްތިރީސް) ވޯޓަރ ވިލާއާއި، 08 (އަށެއް) ޑިލަކްސް ބީޗް ވިލާ 15 މެއި 2011 އިން ފެށިގެން 31 އޮކްޓޯބަރ 2011 ގެ ނިޔަލަށް ބަންދުކުރަން ނިންމުން އަދި މި ކަމުގެ ސަބަބުން،
ރިސޯޓުގެ އޮކިއުޕަންސީ ދަށްވުން، އަދި މި ކަމުގެ ސަބަބުން،
ވަޒީފާއިން ވަކިކުރެވޭ މުވައްޒަފު އަދާކުރަމުންދާ މަޤާމުގެ ބޭނުން ރިސޯޓަށް ނުޖެހުންކަން މުވައްޒަފުން ވަޒީފާއިން ވަކިކުރިކަން އަންގައި ފޮނުވި ލިޔުމުން އެނގެއެވެ.
ރިޑަންޑަންސީގެ ޙާލަތު މެދުވެރިވިކަން ސާބިތު ކޮށްދިނުމުގެ ގޮތުން މި މައްސަލަތަކާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ކްރައުން ކޮމްޕެނީގެ ފަރާތުން ހުށަހަޅާފައިވާ ކަންކަމަށާއި، އެކަންކަމާ ގުޅިގެން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހައިކޯޓުގެ މަރުޙަލާއާއި، ސުޕްރީމް ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު އަންނަނިވި ކަންކަން އަހުރެންނަށް ފާހަގަ ކުރެވެއެވެ. މި ކަންކަން ފާހަގަ މި ކުރަނީ މި ކަންކަން މެދުވެރިވި ތާރީޚުތަކުގެ ތަރުތީބުންނެވެ.
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ރޫމް އިންވެންޓްރީގެ %27 (ހަތާވީސް އިންސައްތަ) ބަންދުކުރަން ނިންމި ނިންމުމަކީ ދުރާލައި އެ ކުންފުނިން ނިންމާފައިވާ ނިންމުމެއްކަން ސާބިތު ކުރުމުގެ ގޮތުން އެ ރިސޯޓުގެ ހުރިހާ ޓުއަރ އޮޕަރޭޓަރުންނަށާއި، ޕަބްލިކް ރިޕޭޝަން އެޖެންސީތަކަށް "އެނައުންސިންގ ދަ ޕާރޝަލް ރިނޮވޭޝަން އޮފް ރަންގަލި އައިލެންޑް" ގެ ނަމުގައި އެނައުންސްމެންޓެއް ފޮނުވާފައިވެއެވެ. މި ލިޔުމުގައި ބަންދުކުރާ ކޮޓަރިތަކުގެ ޢަދަދާއި، ކޮޓަރީގެ ބާވަތާއި، މި ކޮޓަރިތައް ބަންދުކުރުމުގެ ސަބަބުން ބަންދުކުރާ އައުޓްލެޓްތަކުގެ ތަފުސީލު ހިމަނާފައިވެއެވެ. މި ލިޔުން ތަފާތު 386 (ތިންސަތޭކަ އަށްޑިހަ ހައެއް) ޓުއަރ އޮޕަރޭޓަރުންނަށް 2011 ފެބްރުއަރީ 16 ވަނަ ދުވަހުގެ 14:47 އާއި 15:00 ގައި ފޮނުވިފައިވާކަން އެނގެއެވެ. އަދި 2011 ފެބްރުއަރީ 17 ވަނަ ދުވަހުގެ 13:47 ގައި 4 (ހަތަރެއް) ޓުއަރ އޮޕަރޭޓަރުންނަށް ފޮނުވިފައިވާކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގެއެވެ.
"އެނައުންސިންގ ދަ ޕާރޝަލް ރިނޮވޭޝަން އޮފް ރަންގަލި އައިލެންޑް"ގެ ނަމުގައި ތައްޔާރުކުރި ލިޔުން އިންޓަރނޭޝަނަލް ޖާނަލިސްޓުންނަށްވެސް ކްރައުން ކޮމްޕެނީގެ ފަރާތުން ފޮނުވާފައިވެއެވެ. މި ލިޔުން އެކި ޖަރނަލްތަކުގައި ޝާއިޢުކުރެވިފައިވަނީ 2011 އޭޕްރިލްގައެވެ.
ވަޒީފާއިން ވަކިކުރިކަން އަންގައި މުވައްޒަފުންނަށް ފޮނުވި ލިޔުމަށް ބަލާއިރު، މުވައްޒަފުން ވަޒީފާއިން ވަކިކޮށްފައިވަނީ ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ރޫމް އިންވެންޓްރީގެ %27 (ހަތާވީސް އިން ސައްތަ) ކަމުގައިވާ އެ ރިސޯޓުގެ 32 (ބައްތިރީސް) ވޯޓަރ ވިލާއާއި، 08 (އަށެއް) ޑިލަކްސް ބީޗް ވިލާ 15 މެއި 2011 އިން ފެށިގެން 31 އޮކްޓޯބަރ 2011 ގެ ނިޔަލަށް ބަންދުކުރަން ނިންމުމުންކަމާއި، އަދި މިކަމުގެ މައްޗަށް އަންނަ ނަތީޖާއަކީ އޮކިއުޕަންސީ ދަށްވުންކަމަށް އެ ލިޔުންތަކުގައި ބަޔާން ކޮށްފައިވެއެވެ. މީގެ އިތުރަށް ރިސޯޓުގެ ރޫމް އިންވެންޓްރީގެ %27 (ހަތާވީސް އިން ސައްތަ) ބަންދުކުރުމުގެ އިތުރު ނަތީޖާއަކީ، ވަޒީފާއިން ވަކިކުރެވޭ މުވައްޒަފު އަދާކުރަމުންދާ މަޤާމުގެ ބޭނުން ރިސޯޓަށް ނުޖެހުން ކަމަށްވެސް އެ ލިޔުމުގައި ބަޔާންކޮށްފައިވެއެވެ. މި ލިޔުން ދޫކޮށްފައިވަނީ 2011 ޖޫން 04 ވަނަ ދުވަހުގައެވެ.
އާބާތުރަ ފިލުވުމަށްޓަކައި ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ 32 (ބައްތިރީސް) ވޯޓަރ ވިލާއާއި، 08 (އަށެއް) ޑިލަކްސް ބީޗް ވިލާ 01 ޖޫން 2011 އިން 30 ނޮވެމްބަރު 2011 ގެ ނިޔަލަށް ބަންދުކުރާކަން ކްރައުން ކޮމްޕެނީގެ ފަރާތުން މިނިސްޓްރީ އޮފް ޓޫރިޒަމް އާޓްސް އެންޑް ކަލްޗަރ އަށް ސިޓީއަކުން އަންގާފައިވަނީ 05 ޖޫން 2011 ގައެވެ. މި ސިޓީގެ ޖަވާބު އެ މިނިސްޓްރީއިން ކްރައުން ކޮމްޕެނީއަށް ފޮނުވާފައިވަނީ 21 ޖޫން 2011 ގައެވެ. އެ ޖަވާބުގައި ކްރައުން ކޮމްޕެނީން އެދިފައިވާ ގޮތަށް އާބާތުރަ ފިލުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން އެ މިނިސްޓްރީން ހުއްދަ ކޮށްފައިވާކަމަށް ބަޔާން ކޮށްފައިވެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ވިޔަފާރިއަށް އަންނަ ބަދަލުތަކާ ގުޅިގެން ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ބްރޭންޑް ޕޮޒިޝަން ބަދަލުކުރުމަށް ކުންފުނީގެ މެނޭޖްމަންޓުން ނިންމާފައިވާ ކަމަށާއި، މި ގޮތުން ވޮލިއުމް ސްޓްރެޓެޖީ އަކުން ރޭޓް ސްޓްރެޓެޖީއަށް ރިސޯޓު ހިންގުން ބައްޓަން ކުރުމަށް ނިންމާފައިވެއެވެ. އަދި މި ފަދައިން ނިންމި މައިގަނޑު ސަބަބަކީ ވޮލިއުމް ސްޓްރެޓެޖީގެ ދަށުން އަގު ހެޔޮކޮށް ގިނަ ޢަދަދެއްގެ ފަތުރުވެރިން އައި ނަމަވެސް، ރޫމް ރޭޓްގެ އިތުރުން އެހެނިހެން ޚިދުމަތްތަކާއި ކަންކަމަށް އެ ފަތުރުވެރިން ކުރާ ޚަރަދު ނިސްބަތުން މަދުވެ، އޯވަރހެޑް ކޮސްޓްތައް މަތިވުންކަމަށާއި، ރޭޓް ސްޓްރެޓީގެ ދަށުން އަންނާނެ ފަތުރުވެރިންނަކީ ގިނައިން ޚަރަދު ކުރެވޭފަދަ މާލީ ތަނަވަސްކަން ހުންނަ ފަރާތްތަކަކަށްވުމުން ކުންފުނީގެ ޖުމުލަ އާމްދަނީ އިތުރުވެ ހިންގުމުގެ ޚަރަދު ދަށްވާނެކަމަށް ލަފާކުރެވޭތީ ކަމުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެއެވެ. މިކަން ސާބިތުކުރުމަށް "ޕޮޒިޝަނިން ޕޭޕަރ- މޭން ޕަވަރ މެނޭޖްމަންޓް 2011-2012" ގެ ނަމުގައި ތައްޔާރުކޮށްފައިވާ ކަރުދާހެއް ޓްރައިބިއުނަލަށް ހުށަހަޅާފައިވެއެވެ. މި ލިޔުމުގައި ރިސޯޓުގެ އެއްވެސް މަޤާމެއް އުވާލާ ވާހަކަ ނުވަތަ ވަކި މަޤާމެއްގައި ގެންގުޅޭ މުވައްޒަފުންގެ ޢަދަދު މަދުކުރާ ވާހަކައެއް ނެތެވެ. ނަމަވެސް މި ލިޔުމުގައި، ކުރިއަށް އޮތްތަނުގައި މުވައްޒަފުން ނެގުމުގައި ބަހުގެ ހުނަރުވެރިކަމާއި ރިސޯޓުގެ ބޭނުންތަކަށް ބަލައިގެން މުވައްޒަފުން ނެގުންފަދަ ކަންކަމާމެދު ބަހުސްކޮށްފައިވެއެވެ. މި ލިޔުން ތައްޔާރު ކުރެވިފައިވާ ތާރީޚެއް އެނގެން ނެތެވެ. އަދި މި ލިޔުމަކީ ކޮން ފަރާތަކުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ކަންވެސް މި ކަރުދާހުން އެނގެން ނެތެވެ.
އިސްތިއުނާފު ކުރެވިފައިވާ މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ކޮޓަރިތަކަކާއި ބައެއް އައުޓްލެޓްތައް 05 (ފަހެއް) މަހާއި 15 (ފަނަރަ) ދުވަހުގެ މުއްދަތަށް ބަންދުކޮށްފައިވާކަން، އެނގެއެވެ. އަދި މިއީ ދުރާލައި އެ ރިސޯޓު ހިންގާ ކުންފުނިން ރާވައިގެން ރިސޯޓުގެ ފެންވަރު މަތިކުރުމުގެ ގޮތުން ކޮށްފައިވާކަމެއް ކަން ޓުއަރ އޮޕަރޭޓަރުންނާއި، އިންޓަރނޭޝަލް ޖާނަލްތަކުގައި ޝާއިޢު ކޮށްފައިވާ ލިޔުންތަކުން އެނގެއެވެ.
ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ރޫމް އިންވެންޓްރީގެ ކޮޓަރިތަކެއް ލިޔުންތަކުން ފެންނަން ހުރި މުއްދަތަށް ބަންދުކުރި ކަމާމެދު އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިއުތިރާޟު ކޮށްފައިނުވެއެވެ. ނަމަވެސް، އިއުތިރާޟު ކޮށްފައިވަނީ ބަންދު ކުރި ކޮޓަރިތަކުގެ ޢަދަދާ މެދުގައެވެ. މި ގޮތުން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ބުނާ ގޮތުން ބަންދު ކުރެވިފައިވަނީ 40 (ސާޅީސް) ކޮޓަރި ނޫންކަމާއި، ބަންދުކޮށްފައިވަނީ އެންމެ 32 (ބައްތިރީސް) ކޮޓަރި ކަމަށެވެ.
ކްރައުން ކޮމްޕެނީގެ ފަރާތުން މި މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ރިޑަންޑަންސީ އިޢުލާން ކުރަންޖެހުނު މައިގަނޑު ސަބަބެއް ކަމުގައި ބުނެފައިވަނީ ކުރިން އިޝާރާތްކުރި ކޮޓަރިތަކާއި އައުޓްލެޓްތައް ދިގު މުއްދަތަކަށް ބަންދު ކުރަންޖެހުމުގެ ސަބަބުން، އެ މުއްދަތުގައި ކުންފުންޏަށް ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންގެ މަޤާމުގެ ބޭނުން ނުޖެހުންކަން ފާހަގަ ކުރެވެއެވެ. މިކަން އިތުރަށް ތަފުސީލު ކުރަމުން ރިސޯޓުގެ ނަފާ އިތުރު ކުރުމަށްޓަކައި އެ ކުންފުނީގެ ވިޔަފާރީގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކާއި، ރިސޯޓުގެ އޮކިއުޕަންސީއާ ބެހޭ ތަފުސީލުތައް ޓްރައިބިއުނަލްގައި އެ ކުންފުނިން ހިއްސާކޮށްފައިވެއެވެ.
ރިޑަންޑަންސީގެ ޙާލަތެއް އިޢުލާން ކުރުމަށް މެދުވެރިވި ސަބަބާއި އެކަން ސާބިތު ކޮށްދިނުމުގެ ގޮތުން ހުށަހެޅިފައިވާ ލިޔުންތަކަށް ބަލާއިރު، ކޮންރެޑް މޯލްޑިވްސް ރަންގަލި އައިލެންޑް ރިސޯޓުގެ ކޮޓަރިތަކަކާއި ބައެއް އައުޓްލެޓްތައް 05 (ފަހެއް) މަސް ދުވަހަށްވުރެ ގިނަ ދުވަހަށް ބަންދުކުރިކަން އެނގެއެވެ. އަދި މި ކަމަކީ، ދުރާލައި ރޭވިގެން ކުރުމަށް ނިންމާފައިވާ ކަމެއްކަންވެސް އެނގެއެވެ. މި ޙާލަތުގެ މައްޗަށް ތަރުތީބުވެގެން އަންނާނެ ނަތީޖާއަކީ އެ މުއްދަތުގައި ރިސޯޓުން ފޯރުކޮށްދޭ ޚިދުމަތްތައް ނިސްބަތުން މަދުވުމެވެ. ނުވަތަ ޚިދުމަތް ދޭންޖެހޭ ފަތުރުވެރިންގެ ޢަދަދު މަދުވުމެވެ.
މުވައްޒަފުން ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބުކަމަށް ކްރައުން ކޮމްޕޮނީގެ ފަރާތުން ހުށަހަޅާފައިވާ ސަބަބަށް ބަލާއިރު، މުވައްޒަފުން ވަޒީފާ އަދާކުރަމުންދިޔަ ރިސޯޓުގެ ވިޔަފާރީގެ ނަފާ އިތުރުކޮށް ފެންވަރު މަތިކޮށް، ކުރިން ވިޔަފާރި ކުރަމުން އަންނަ ވައްޓަފާޅި ބަދަލުކުރުމަށް ނިންމާފައިވާ ކަން ސާބިތުކުރުމަށް ހުށަހަޅާފައިވާ ކަންކަމަކީ، މި މައްސަލައިގައި ރިޑަންޑަންސީގެ ޙާލަތު އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި ހަމައެކަނި ބުރަދަނެއ ދޭންޖެހޭ ކަންތައްތަކެއް ކަމުގައި ނުދެކެމެވެ. އެހެނީ މުވައްޒަފުން ވަކި ކުރި ސަބަބު ގުޅިފައިވަނީ ވަޒީފާއިން ވަކިކުރިކަން އަންގައި މުވައްޒަފުންނަށް އެންގި ލިޔުމުގައިވާ ފަދައިން، ވަކި މުއްދަތަކަށް ރިސޯޓުގެ ބައެއް ކޮޓަރިތަކާއި އައުޓްލެޓްތައް ބަންދުކުރުމުގެ ސަބަބުން ރިސޯޓުގެ އޮކިއުޕެންސީ ދަށަށް ދިއުމާއެކު މުވައްޒަފު އަދާކުރަމުންދިޔަ މަޤާމުގެ ބޭނުން ރިސޯޓަށް ނުޖެހުމުގެ މައްޗަށެވެ.
2011 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އެ އަހަރުގެ ތެރޭގައި ދުރާލައި ރޭވިގެން ރިސޯޓުގެ އާބާތުރަ ފިލުވައި، ރިސޯޓުގެ ފެންވަރު މަތިކުރުމުގެ މަސައްކަތެއް ކުރުމަށް ނިންމައި އެކަން ޓުއަރ އޮޕަރޭޓަރުންނާއި، ޕީ.އާރ އެޖެންސީތަކާއި، އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް އެންގިފައިވާއިރު، ރިސޯޓުގެ އެކި މަޤާމުތަކުގައި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުން ތިބިއިރު، އެއިން މަޤާމެއް އުވާލުމަށް ނުވަތަ މަދުކުރަން ނިންމާފައިވާކަން، ނުވަތަ އެއިން މަޤާމެއްގައި ކުރިއަށް އޮތްތަނުގައި މުވައްޒަފުން ތިބޭނެ ޢަދަދު މަދުވާނެކަން ޓްރައިބިއުނަލް މަރުޙަލާގައި ކްރައުން ކޮމްޕެނީގެ ފަރާތުން ބުނެދެވިފައިވާތީ އަހުރެންނަށް މި މައްސަލައިގެ ލިޔެކިޔުންތަކުން ފެނިފައިނުވެއެވެ. މިސާލަކަށް، އިސްތިއުނާފު ރައްދުވާ އެއް ފަރާތްކަމުގައިވާ މުޙައްމަދު އިމްތިޔާޒް ޢަބްދުއްރަޙްމާނަކީ ވަޒީފާއިން ވަކިކުރެވުނު އިރުގައި އެފް އެންޑް ބީ ކެޕްޓަންގެ މަޤާމުގައި ހުރި މީހެކެވެ. ރިޑަންޑަންސީގެ ޙާލަތު އައުމުން ރިސޯޓުގައި މި މަޤާމު އިތުރަށް ނެތްކަން، ނުވަތަ މި މަޤާމުގައި އެއް މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން ތިބިނަމަ، އެ މުވައްޒަފުންގެ ޢަދަދު މަދުކުރަން ނިންމާފައިވަނީ ކޮން ޢަދަދަކަށްކަން އެނގޭނެ މަޢުލޫމާތެއް ނުވަތަ ހެއްކެއް ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުގައި ނެތެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔެކިޔުންތަކުން މުވައްޒަފެއްގެ މަޤާމުގެ ބޭނުން އިތުރަށް ނުޖެހޭނެކަމަށް ބަޔާންވެފައިވަނީ ހަމައެކަނި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންނަށް ކްރައުން ކޮމްޕެނީގެ ފަރާތުން ފޮނުވާފައިވާ ވަޒީފާއިން ވަކިކުރެވުނުކަން އެންގި ލިޔުމެވެ. މި ލިޔުމަކުން ވަޒީފާއަދާކުރާ ތަނުގައި، އެއް މަޤާމެއްގައި ތިބި މުވައްޒަފު ކުރަމުން ދިޔަ ބާވަތުގެ މަސައްކަތްކުރުން އެއްކޮށް ހުއްޓުނީކަން ނުވަތަ މަދުވީކަން، ނުވަތަ މުސްތަޤުބަލުގައި ހުއްޓޭނެކަން ނުވަތަ މަދުވާނެކަންފަދަ ޙަޤީޤީ ރިޑަންޑަންސީގެ ޙާލަތެއް އޮތްކަމަށް ބުރަވެވޭ މިންވަރަށް ހެއްކެއް ނުލިބެއެވެ.
ބުނެވިދިޔަ ކަންކަމުގެ އިތުރަށް ދާއިމީ ވަޒީފާގައި ތިބި ފަރާތްތަކެއް ރިޑަންޑަންޓް ކުރުމަށް ނިންމިއިރު، ވަގުތީ ވަޒީފާގައި ނުވަތަ ޕްރޮބޭޝަން މުއްދަތުގައި ތިބި ފަރާތްތަކެއް ރިސޯޓުގެ ވަޒީފާގައި ތިބިކަން މައްސަލަ ހުށަހެޅި ފަރާތްތަކުން ފާހަގަކޮށްފައިވާއިރު، އެ ފަރާތްތައް ރިޑަންޑަންޓް ކޮށްފައިނުވާ ސަބަބެއް ކްރައުން ކޮމްޕެނީގެ ފަރާތުން ދެއްކިފައިނުވެއެވެ. ވަޒީފާއާބެހޭ ޤާނޫނަށް ބަލާއިރު، ވަގުތީ މުވައްޒަފުންނަކީ ވަޒީފާއިން ވަކުކުރުމުގައި ދާއިމީ މުވައްޒަފުންނަށްވުރެ ލުއި އިޖުރާއަތެއްގެ ތެރެއިން ވަކިކުރެވިދާނެ ބައެއްކަންވެސް ފާހަގަ ކުރަމެވެ.
ބުނެވިދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން ރިޑަންޑަންސީގެ ޙާލަތަކީ ތެދު ނިޔަތުގައި އިޢުލާން ކޮށްފައިވާ ޙާލަތެއްކަމުގައި އަހުރެންނަށް ނުފެނެއެވެ. އެހެން ގޮތަކަށް ބުނާނަމަ، މުވައްޒަފުން ވަކި ކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްކަމުގައި ނުވަތަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމުގައި އަހުރެން ނުދެކެމެވެ.
އިޖުރާއީ ޢަދުލުވެރިކަން
ރިޑަންޑަންސީގެ ޙާލަތެއް ކުރިމަތިވި ކަމުގައި ބަލައި، އެ ޙާލަތުގައި ވަޒީފާއިން ވަކިކުރާނެ މުވައްޒަފުން ކަނޑައެޅުމުގައި ގެންގުޅެފައިވަނީ ކޮން އުސޫލެއްކަމެއް، ކްރައުން ކޮމްޕެނީގެ ފަރާތުން، ޓްރައިބިއުނަލުން ފެށިގެން ޝަރުޢީ އެއްވެސް މަރުޙަލާއެގައި ބުނެދެވިފައިނުވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި މި މައްސަލައާ ގުޅިގެން 23 ނޮވެމްބަރ 2011 ގައި އޮތް އަޑުއެހުމުގައި މައްސަލަ ބެލި މެމްބަރުން ކްރައުން ކޮމްޕެނީގެ ވަކީލަށް، ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކި ކުރުމުގައި ބަލާފައިވަނީ ކޮން މިންގަނޑެއްތޯ ސުވާލު ކޮށްފައިވެއެވެ. ނަމަވެސް އެ ސުވާލުގެ ޖަވާބު 07 ދުވަހުގެ ތެރޭގައި ހުށަހެޅިދާނެ ކަމަށް ބުނެފައި ވީނަމަވެސް، މައްސަލަ ނިމިގެން ދިޔައިރުވެސް، އެ ސުވާލުގެ ޖަވާބު ޓްރައިބިއުނަލަށް އެ ފަރާތުން ސާފުކޮށްދެވިފައި ނުވެއެވެ. އަދި ހައިކޯޓުން މި މައްސަލަތައް ދެ ފަހަރެއްގެ މަތިން ބެލިފައިވާއިރު، މި ނުކުތާގައި ހައިކޯޓުގެ ފަނޑިޔާރުންގެ ރައުޔު ތަފާތުވެފައި ނުވެއެވެ.
ވަޒީފާއިން ވަކި ކުރުމަށް، ވަކި ކުރެވުނު ފަރާތްތައް އިޚްތިޔާރު ކުރި ގޮތާމެދު ސުޕްރީމް ކޯޓުގައި ކުރިއަށް ދިޔަ އިސްތިއުނާފީ އަޑުއެހުމުގައި ފަނޑިޔާރުން ކުރިމަތި ކުރި ސުވާލުތަކުގެ ޖަވާބުގައިވެސް ސާފުކޮށް، ވަކި ކުރެވުނު މުވައްޒަފުން ވަކިކުރުމުގައި ބަލާފައިވާ މިންގަނޑުތަކަކީ ކޮބައިކަން ބުނެދެވިފައި ނުވެއެވެ.
ވުމާއެކު، މި މައްސަލައިގައި މުވައްޒަފުން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ރަނގަޅު ނިންމުމެއް ކަމުގައި އަހުރެން ދެކެމެވެ.
ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ފޯރުކޮށްދެވޭ ހައްލު
މި ހިސާބަށް މި ކަނޑައެޅުނީ، މި މައްސަލައިގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުވެފައިނުވާކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަމަށެވެ. ދެން ޖަވާބު ހޯދަން ކުރިމަތީގައި އޮތް ސުވާލަކީ ވަޒީފާއިން ވަކި ކުރެވުނު މުވައްޒަފުންނަށް ލިބިދެވޭނެ ޙައްލަކީ ކޮބައިކަމެވެ. މި ސުވާލުގެ ޖަވާބު ހޯދުމުގައި، ވަޒީފާއާބެހޭ ޤާނޫނުގައި އޮތް ޙައްލުތަކާއި، އެ ޙައްލުތަކުގެ ތެރެއިން ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުން ހޯދުމަށް އެދޭ ޙައްލަކީ ކޮބައިކަމާއި، އެދޭ ޙައްލު ފޯރުކޮށްދެވޭނެކަން ނުވަތަ ނޫންކަމެވެ.
އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-02/01 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2015/HC-A-02/02 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2015/HC-A-02/03 ޤަޟިއްޔާގައި މި މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ތާއީދު ކޮށްފައިވެއެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ، މި މައްސަލައިގައި ކްރައުން ކޮމްޕެނީގެ ފަރާތްތައް ކުރިން އަދާކުރަމުން ދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އެ ފަރާތްތަކަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކެއްކަމުގައި ނުބެލުމަށެވެ. މިއީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ޙައްލެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައިވާ އެހެނިހެން ޙައްލުތަކަށް ބަލާއިރު މުވައްޒަފު ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުމާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ އެކަށީގެންވާ، ޢަދުލުވެރި ބަދަލެއް ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ނަގައި ދިނުން ހިމެނެއެވެ.
އިސްތިއުނާފު ކުރެވިފައިވާ މި މައްސަލަތަކުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން، އިސްތިއުނާފީ މަރުޙަލާތަކުގައި މުޅިންވެސް އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގައި އެ ފަރާތްތަކަށް ފޯރުކޮށްދިން ޙައްލު އެ ގޮތުގައި ދަމަހައްޓައި ދިނުމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން މައްސަލައިގައި ފާހަގަކޮށްފައިވާ ފަދައިން، ވަޒީފާއަށް މުވައްޒަފަކު ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޤާނޫނުގައި އޮންނަ އޮތުމަކީ އެއްވެސް އިސްތިސްނާއެއް ނެތި އެކަމެއްގެ މައްޗަށް ޢަމަލުކުރުން ލާޒިމުކަމެއް ނޫނެވެ. އެގޮތުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސް އަޅާ ޙާލަތްތަކެއް އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވެއެވެ. ތިރީގައި މި ވަނީ އެ ޙާލަތްތަކެވެ.
އަނބުރާ އިޢާދަ ނުކުރެވޭނެ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން.
ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާ ދިނުމަށް އަމުރުކުރާ ތާރީޚާ ދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތު ވެފައިވުން.
ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން.
ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން.
ބުނެވިދިޔަ ކަންކަމުގެ ތެރެއިން މި މައްސަލައިގެ ޝަރުޢީ މަރުޙަލާތަކުގައި ދެ ފަރާތުގެ އިތުބާރާ ގުޅޭ ގިނަ ކަންތައްތަކެއް ފެންމަތިވެފައި ވެއެވެ. މި ކަންކަމުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
ޓްރައިބިއުނަލް މަރުޙަލާގައި ރިސޯޓުގައި މަސައްކަތްކުރާ ގިނަ ޢަދަދެއްގެ މުވައްޒަފުންގެ ސިއްރު މަޢުލޫމާތުތަކާއި ރިސޯޓުގެ އެހެނިހެން ސިއްރު މަޢުލޫމާތުތަކެއް ހާމަކުރި ކަމުގެ ތުހުމަތު ވަޒީފާ ދިން ފަރާތުން ކޮށްފައިވެއެވެ. އަދި މިކަމަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައިވެސް ފާހަގަކޮށްފައިވާ ތުހުމަތު ތަކެކެވެ.
މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ކުރިއަށް ދިޔައިރު، ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކުން ފާހަގަކޮށްފައިވާ އެއްކަމަކީ، މި ހާދިސާގައި ވަކިކުރެވުނު ގިނަ މުވައްޒަފުންނަކީ 31 މާރޗް 2011 ގައި ރިސޯޓުގައި މުވައްޒަފުންގެ ޙައްޤު ހޯދުމަށްޓަކައި ހަޅުތާލުކޮށް، ޙައްޤު ހޯދުމަށްޓަކައި ރިސޯޓުގެ މެނޭޖްމަންޓާއި ނެގޯޝިއޭޓްކުރި މުވައްޒަފުންކަމުގައި ވުމުން އެ ފަރާތްތައް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަމުގެ ސަބަބުންކަމަށް ބެލެވޭކަމަށް ފާހަގަކޮށްފައިވެއެވެ. ނަމަވެސް މިކަމަކީ އެ ފަރާތްތައް ވަޒީފާއިން ވަކިކުރި މައިގަނޑު ސަބަބު ކަމުގައި ބުނެވެން ނެތްކަމަށްވެސް އެ ފަރާތްތަކުން ފާހަގަ ކޮށްފައިވެއެވެ.
މި މައްސަލަ އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިގެން ހިނގަމުންދިޔައިރު، އިސްތިއުނާފު ރައްދުވާ ފަރާތްތަކުން މަސްދޯންޏެއްގައި ރިސޯޓުގެ ފަޅުބޭރަށް ގޮސް ހަޤީޤަތާ ޚިލާފު ވާހަކަތަކެއް ލިޔެފައިވާ ބެނަރތަކެއް ބޭނުންކޮށްގެން ދޯނީގައި އަޑުގަދަކުރާ ބޭނުންކޮށްގެން ރިސޯޓުގައި ތިބި ފަތުރުވެރިންނަށް ފެންނަ ގޮތަށް، އަޑުއިވޭ ހިސާބުގައި ރިސޯޓަށް ނައުމަށް ގޮވާލައި ރިސޯޓުގެ އަގު ވައްޓާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ކްރައުން ކޮމްޕެނީގެ ފަރާތުން ބުނެއެވެ. ނަމަވެސް، މި ޢަމަލު ހިންގާފައިވަނީ އިސްތިއުނާފު ރައްދުވާ 22 (ބާވީސް) މީހުންގެ ތެރެއިން ކޮން ބައެއްކަން ކްރައުން ކޮމްޕެނީގެ ފަރާތުން ފާހަގަ ކޮށްފައިނުވެއެވެ.
މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިއަށް ދިޔައިރު، ކްރައުން ކޮމްޕެނީގެ ފަރާތުން ފާހަގަކޮށްފައިވާ އަނެއްކަމަކީ، ކުންފުނީގެ ވަކިވަކި ޑިރެކްޓަރުންނަށް އަމާޒުކޮށް އެ ފަރާތްތަކުގެ އަމިއްލަ ދިރިއުޅުމާ ގުޅޭ ކަންތައްތަކުގައިވެސް ބައެއް މުވައްޒަފުންގެ ފަރާތުން ލިޔުންތައް ލިޔެ ފޮނުވާ ހަދާފައިވާކަމާއި، މިގޮތުން، ނިއުޒިލެންޑުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ އޮނަރަރީ ކައުންސިލް، އެތަނުން ބައެއް މުވައްޒަފުން އިސް ނަގައިގެން ނިއުޒިލެންޑްގެ ފޮރިން އެފެއަރޒް ޑިޕާޓްމަންޓަށް ލިޔެ، އޭނާއަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތާ މީހެއް ނޫންކަމާއި، ރާއްޖޭގެ ކޯޓުތަކުގެ އަމުރުތަކަށް ކިޔަމަންވާ މީހެން ނޫންކަމާއި، އެހެންވީމާ އޭނާއަކީ އޮނަރަރީ ކައުންސިލްއެއްގެ މަޤާމުގައި ހުންނަން އެކަށީގެންވާ މީހެއް ނޫންކަމާއި، މި މޭރުމުން ބަޔާންކޮށް ލިޔެފައި ހުރިކަމަށް ބަޔާންކޮށްފައިވާކަމެވެ.
މަތީގައި ބުނެވިދިޔަ ކަންކަމުގެ އިތުރަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން ހައްސާސީ ސިއްރު މައުލޫމާތު ހާމަކުރުމާއި، ޚުދު އެ ފަރާތްތަކުން އެ ފަރާތްތައް ވަޒީފާއިން ވަކިކުރެވުނީ އެހެން ސަބަބެއް އޮވެގެން ކަމަށް ދެކޭ ދެކުމަކީ، ދެ ފަރާތުގެ ދެމެދުގައި މި މައްސަލަ ފެށުނީއްސުރެ، އަލުން ވަޒީފާ އިޢާދަކޮށް، ވޭތުވެދިޔަ ތަނުގައި ހިނގާފައިވާ ކަންކަމަކީ ނުހިނގާ ކަންކަން ކަމުގައި ބަލައި އިތުބާރާއެކު ކުރިއަށް ދިއުމަށް ހުރަސްއަޅާ ކަންތައްތަކެއް ކަމުގައި ދެކެމެވެ.
ދެ ފަރާތުގެ އިރުބާރާގުޅޭ ގޮތުން ފާހަގަ މި ކުރި ކަންކަމުގެ އިތުރަށް، ވަޒީފާއިން ވަކިކުރެވުނު ތާރީޚުން ފެށިގެން މި މައްސަލަތައް ޝަރުޢީ މަރުޙަލާތަކުގައި، ދިގު ދެމިގެން ގޮސްފައިވާ މުއްދަތަކީވެސް، ރިޢާޔަތް ކުރަންޖެހޭ މުއްދަތެކެވެ. މި މައްސަލަތަކުގައި ކްރައުން ކޮމްޕެނީގެ ފަރާތްތައް ވަޒީފާއިން ވަކި ކުރެވުނު ތާރީޚުން ފެށިގެން މިއަދުގެ ނިޔަލަށް 09 އަހަރާއި 07 މަހާއި، 30 ދުވަސް ހޭދަ ވެފައިވެއެވެ. މިފަދަ ދިގު މުއްދަތެއް ހޭދަވުމަށްފަހު، ވަޒީފާ އަލުން ރުޖޫޢަކުރުމަކީ އިންސާފުވެރި ކަމެއް ކަމުގައި ނުދެކެމެވެ.
ވުމާއެކު، މި މައްސަލައިގައި މުވައްޒަފުންނަށް ފޯރުކޮށްދެވޭނެ ޤާނޫނީ ޙައްލަކީ ވަޒީފާ އަލުން އިޢާދަކޮށްދިނުމުގެ ބަދަލުގައި، ޢަދުލުވެރި ބަދަލެއް ނަގައިދިނުން ކަމުގައި ދެކެމެވެ.
ބަދަލު ނަގައި ދިނުން
ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވެ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާނަމަ، އެ މީހަކު ކުރިން ހުރި ވަޒީފާއަށް ރުޖޫޢަ ކުރެވޭނެކަމަށް އަހުރެން ނުދެކެމެވެ. މި އުސޫލުވަނީ އެޓަރނީ ޖެނެރަލްގެ އޮފީސް ވ އަޒުހަރު ރަޝާދު ޤަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ފާހަގަ ކުރައްވާފައިވެއެވެ. އަދި އެ މައްސަލައިގައި ބަދަލުގެ މިންވަރު ނަގައި ދިނުމާމެދު ފާހަގަކޮށްފައިވާ އަންނަނިވި އުސޫލުތައް މި ޤަޟިއްޔާއަށް ތަޠުބީޤު ކުރެވޭނެކަމުގައި އަހުރެން ދެކެމެވެ.
މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލު ވާންވާނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށް ހޭދަވާނޭ ކަމަށް ބެލެވޭ މުއްދަތަށް ރިއާޔަތް ކޮށް ނަގައިދެވޭ އަދުލުވެރި ބަދަލަކަށް ކަން.
މައުޟޫޢީ އަދުލުވެރިކަން ގާއިމުކުރުމާ ޚިލާފުވުމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމާ ޚިލާފުވުމުގައި އުސޫލީގޮތުން ތަފާތުތަކެއް ހުރީތީވެ، މި ދެ ޚިލާފާ ގުޅިގެން މުވައްޒަފަށް ލިބޭނެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ދެ މިންގަނޑެއް ގެންގުޅެންވާނެކަން.
މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލުގެ އަދަދު، މައްސަލަތަކުގައި މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި ނުވާ ޙާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ އަދަދަށްވުރެ ކުޑަވާންޖެހޭނެކަން.
މުވައްޒަފެއްގެ އަމަލުތައް ހުރީ ކޮންމެ ސިފައެއްގައި ކަމަށް ވަޒީފާދޭ ފަރާތަށް ފެނުނު ނަމަވެސް، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ލާޒިމް އިޖުރާއަތު ފުރިހަމަ ނުކުރުމަކީ ވަޒީފާދޭ ފަރާތަށް އެކަން ނުކޮށް ދޫކޮށްލުމުގެ ނުވަތަ އެކަމަށް އިންކާރުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫންކަމުން، ވަޒީފާދޭ ފަރާތުން ފުރިހަމަކުރުމަށް ޤާނޫނުން ލާޒިމްކުރާ އިޖުރާއަތު ފުރިހަމަކޮށްފައި ނުވާނަމަ އެ ޚިލާފުވުމަށް ބަދަލު ނަގައިދިނުން ލާޒިމުވާނެކަން.
އަދި މި ޙާލަތުގައި ނަގައިދޭ ބަދަލަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމުކުރާ އިޖުރާއީ އިންސާފު ގާއިމުކޮށްފައި ނުވާތީ ހަމައެކަނި އަދަބެއްގެ ސިފައިގައި ރަމްޒީގޮތުން ނަގައިދެވޭ ބަދަލެއްކަން.
ބަދަލުގެ މިންވަރު ކަނޑައެޅުން
މައްސަލައިގެ ވާޤިޢާތަކަށް ބަލާއިރު، ޝަރީޢަތުގެ ކުރިމަތީގައި އޮތް މި މައްސަލައިގައި ކްރައުން ކޮމްޕެނީގެ ފަރާތުން، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކި ކުރުމުގައި މައިގަނޑު ގޮތެއްގައި ފައިސާގެ ދެ ޢިނާޔަތެއް ދީފައިވާކަން ވަޒީފާއިން ވަކި ކުރިކަން އަންގައި ފޮނުވި ލިޔުމުން އެނގެއެވެ. ތިރީގައި މިވަނީ އެ ދެ ފައިސާގެ ޢިނާޔަތާއި، އެކި މުވައްޒަފުންނަށް އެ ޢިނާޔަތްތަކުގެ ގޮތުގައި ލިބިދީފައިވާ ފައިސާގެ މިންވަރު އެނގޭނެ ތާވަލެކެވެ.
މި ތާވަލުގައިވާ ފުރަތަމަ ޢިނާޔަތަކީ، ވަޒީފާއިން ވަކިކުރުމުގެ ގޮތުން ދިނުން ލާޒިމުވާ ނޯޓިހުގެ ބަދަލުގައި އެ ނޯޓިހުގެ މުއްދަތަށް ދީފައިވާ ޢިނާޔަތެވެ. މިއީ ވަޒީފާއާބެހޭ ޤާނޫނުގެ 25 ވަނަ މާއްދާގެ ދަށުން ދީފައިވާ ޢިނާޔަތެކެވެ.
އަދި ދެވަނަ ޢިނާޔަތަކީ، "ރިޑަންޑަންސީ ޕޭމަންޓް" ގެ ގޮތުގައި ދީފައިވާ ޢިނާޔަތެކެވެ. މި ފައިސާ ދީފައިވަނީ، ކުރިން ބުނި ނޯޓިހުގެ މުއްދަތަށް ނިސްބަތްކޮށެވެ. މާނައަކީ، ނޯޓިހުގެ ބަދަލުގައި 2 މަސްދުވަހުގެ ޢިނާޔަތް ލިބޭ މުވައްޒަފަކަށް 2 މަހުގެ ރިޑަންޑަންސީ ޕޭމަންޓް ލިބުމެވެ. މިއީ ޤާނޫނީ ގޮތުން ކްރައުން ކޮމްޕެނީގެ ފަރާތުން ދިނުން ލާޒިމު ޢިނާޔަތެއް ނޫނެވެ.
ފުރިހަމަ ނަމާއި ދާއިމީ އެޑްރެސް އައި.ޑީ ކާޑު ނަންބަރު ނޯޓިހުގެ ފައިސާ ރިޑަންޑަންސީ ޕޭމަންޓް ޖުމުލަ
ޢަބްދުﷲ އާނިސް17113.60 17113.60 34227.20
ޢަބްދުﷲ ފާއިޒް17113.60 17113.60 34227.20
މުޙައްމަދު ޞާދިޤު13018.56 13018.56 26037.12
ޙުސައިން ނަޝީދު، ރޯޝަނީގެ، ހދ.މަކުނުދޫ18886.08 18886.08 37772.16
މުޙައްމަދު ރަފީޢު އަޙްމަދު، ހަނީވިލާ، ސ.ހިތަދޫ17113.60 17113.60 34227.20
ބުންޔާމީން ޙަސަން16823.28 16823.28 33646.56
މަބްރޫކް އަޙްމަދު8679.04 8679.04 17358.08
އިބްރާހީމް މުޖުތަބާ، އެވަރގްރީން، ބ.ތުޅާދޫ13018.56 13018.56 26037.12
އިބްރާހީމް މުޙައްމަދު13018.56 13018.56 26037.12
މުޙައްމަދު ރަޝީދު13018.56 13018.56 26037.12
އަބްދުﷲ ޝަޒްލީމް18786.73 18786.73 37573.46
އިސްމާޢީލް ޢަބްދުﷲ، ފުނާޑް.ދިލްޝަންގެ17113.60 17113.60 34227.20
މުޙައްމަދު އިރުޝާދު A28669 25670.40 25670.40 51340.80
ޢަބްދުﷲ ނަވާޒް8679.04 8679.04 17358.08
މުޙައްމަދު އަނަސް، ކާނިމާގެ، ބ.ތުޅާދޫ11215.52 11215.52 22431.04
ޞަލާހު ޙުސެއިން، ކުޅިބަލާގެ، އދ.މަހިބަދޫ13018.56 13018.56 26037.12
އަޙްމަދު މަޝްހޫދު، ސީވިއު، ސ.ހުޅުދޫ25670.40 25670.40 51340.80
އަހްމަދު އަސްލަމް، ފިޔަނޫމާގެ، އދ.ހަންޏާމީދޫ34150.80 34150.80 68301.60
މުޙައްމަދު އިމްތިޔާޒު ޢަބްދުއްރަޙްމާން، އަލިވާގެއާގެ، ނ.ފޮއްދޫ22644.96 22644.96 45289.92
އިދުރީސް ޢަލީ، އެތުމާގެ، ތ.ކަނޑޫދޫ13018.56 13018.56 26037.12
މުޙައްމަދު ޙާރިޝް، ޑެއިޒީވިލާ، އދ.މަންދޫ12422.64 12422.64 24845.28
މުޙައްމަދު ޤާސިމް، އިރުމަތީގެ، އދ.ދިގުރަށް9290.24 9290.24 18580.48
ނޯޓިހުގެ މުއްދަތަށް ޖެހޭ ފައިސާއާއި، ރިޑަންޑަންސީ ޕޭމަންޓެއްގެ އިތުރުން، އެކިއެކި ޗުއްޓީއާއި އެނޫންވެސް ކަންކަމާ ގުޅިގެން މުވައްޒަފަށް ހައްޤުވާ އެހެނިހެން ޢިނާޔަތްތައް ލިބިދީފައިވާކަން، ކުރިން އިޝާރާތްކުރި ވަޒީފާއިން ވަކިކުރިކަން އަންގައި މުވައްޒަފުންނަށް ފޮނުވާފައިވާ ލިޔުންތަކުން އެނގެއެވެ.
މި މައްސަލައިގެ ހާދިސާ ހިނގިއިރު، ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެގެން މުވައްޒަފުން ރިޑަންޑަންޓް ކުރުމުގައި ވަޒީފާ ދޭ ފަރާތުން ފުރިހަމަ ކުރުން ލާޒިމު އިޖުރާއަތެއް ރާއްޖޭގެ ޤާނޫނެއްގައި ބަޔާންވެފައި ނުވެއެވެ. އަދި ރިޑަންޑަންސީގެ ޙާލަތެއްގައި އެކަން ދުރާލައި މުވައްޒަފުންނަށް އެންގުމާއި، ވަކި ކުރެވޭނެ މުވައްޒަފުން ކަނޑައަޅާނެ އުސޫލުތައް އެކަށައަޅައި އެ އުސޫލުތަކާ އެއްގޮތަށް ވަކި ކުރެވޭ މުވައްޒަފުން ކަނޑައެޅުމާއި، ރިޑަންޑަންސީއާ ގުޅިގެންދެވޭ ނޯޓިހާއި، މާލީ ބަދަލެއް ލިބިދިނުންފަދަ ކަންކަމުގައި މިނިވަން ދީމިޤްރާޠީ ގައުމުތަކުގައި ޢަމަލު ކުރާ އުސޫލުތަކަށް ބަލާއިރު، ތަފާތު އެކި ގޮތް ގޮތަށް އެކި މުޖުތަމަޢުތަކުގައި ޢަމަލު ކުރެވެމުން ދެއެވެ. މިފަދައިން ކަންހުރިއިރު، މިނިވަން ދީމިޤްރާޠީ މުޖުތަމަޢުގައި ކަން ކުރަމުން އަންނަ އުސޫލުތަކަށް ބަލައި، ރިޑަންޑަންސީގެ ޙާލަތެއްގައި މުވައްޒަފުން ރިޑަންޑަންޓް ކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތަކީ ކޮބައިކަމާއި، އެކަންކަން ފުރިހަމަ ކުރުމަށް ހޭދަވާނެ މުއްދަތުގެ ނުވަތަ ވަގުތުގެ މިންވަރަށް ބަލައި، ބަދަލުގެ މިންވަރެއް ކަނޑައަޅަން ދައްޗެވެ.
މުވައްޒަފުން ރިޑަންޑަންޓް ކުރުމުގައި ޤާއިމު ކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމަށް ޤާނޫނުގައި ވަކި މުއްދަތެއް ބަޔާންވެފައި ނުވިނަމަވެސް، އެކަށީގެންވާ ސަބަބެއް މެދުވެރިވުމުގެ ސަބަބުން ވަޒީފާއާބެހޭ ޤާނޫނުގައިވާ ގޮތުގެމަތިން ވަޒީފާއިން ވަކިކުރުމުގައި މުވައްޒަފުންނަށް ލިބިދޭންޖެހޭ ނޯޓިހުގެ މުއްދަތަކީ، ރިޑަންޑަންސީގެ ޙާލަތު މެދުވެރިވުމުން އެކަން ދުރާލައި މުވައްޒަފުންނަށް އަންގައި އިޖުރާއީ އިންސާފު ގާއިމު ކުރުމަށް އެކަށީގެންވާ މުއްދަތެއް ކަމުގައި ދެކެމެވެ. އަދި ޤާނޫނުގައިވާ ގޮތުގެމަތިން ނޯޓިހުގެ މުއްދަތަށް ރިޢާޔަތްކޮށް ވަކިކުރެވޭ ފަރާތަށް ދެވޭ ފައިސާގެ މިންވަރަކީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރާ ޙާލަތުގައި ދެވޭ ޢަދުލުވެރި ބަދަލެއްކަމުގައި ދެކެމެވެ. މި މައްސަލައިގައި ނޯޓިހުގެ މުއްދަތަށްޖެހޭ ފައިސާ ވަޒީފާއިން ވަކިކުރެވުނު މުވައްޒަފުންނަށް އެ މުވައްޒަފަކު ވަޒީފާގައި ހޭދަކުރި މުއްދަތުގެ ނިސްބަތަށް ބަލައި ދެވިފައިވާތީ، އެ ފައިސާއަކީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާ ޙާލަތުގައި ލިބިދީފައިވާ ޢަދުލުވެރި ބަދަލެއްކަމުގައި އަހުރެން ދެކެމެވެ.
ހަމަ މި މޭރުމުން ނޯޓިހުގެ މުއްދަތަށްޖެހޭ ފައިސާގެ ޢަދަދާ އެއްވަރުގެ ޢަދަދެއް "ރިޑަންޑަންސީ ޕޭމަންޓް"ގެ ގޮތުގައި މުވައްޒަފުންނަށް ލިބިދީފައިވުމުން، އެ ފައިސާއަކީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާ ޙާލަތުގައި އެކަމަށްޓަކައި ލިބިދީފައިވާ ޢަދުލުވެރި ބަދަލެއްކަމުގައި އަހުރެން ދެކެމެވެ. ވުމާއެކު، މި މައްސަލައިގައި ބަދަލުގެ މިންވަރެއްގެ ގޮތުގައި އިތުރު ޢަދަދެއް ނަގައިދޭން އަހުރެންނަށް ނުފެނެއެވެ.
މި މައްސަލަތަކުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އިސްތިއުނާފު ރައްދުވާ ފަރާތްތަކުން އެ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު އެންމެހައި ގެއްލުމުގެ ބަދަލު ނައިދިނުމަށް އެދިފައިވެއެވެ. ނަމަވެސް، މި ރައުޔުގެ 56 ވަނަ ޕެރެގްރާފުގައިވާ ފަދައިން އިސްތިއުނާފު ރައްދުވާ ފަރާތްތަކުން، އިސްތިއުނާފީ މަރުޙަލާތަކުގައި މުޅިންވެސް އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގައި އެ ފަރާތްތަކަށް ފޯރުކޮށްދިން ޙައްލު އެ ގޮތުގައި ދަމަހައްޓައި ދިނުމަށެވެ. ވުމާއެކު، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެކަމާ ބެހޭ ގޮތުން އިސްތިއުނާފީ މަރުޙަލާތަކުގައި ވާހަކަ ދެކެވިފައިނުވެއެވެ. މި ސަބަބަށްޓަކައި، މި މައްސަލައިގައި ގެއްލުމުގެ ބަދަލާމެދު ގޮތެއް ކަނޑައެޅިފައި ނުވާނެއެވެ. އަދި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ގެއްލުމެއް ލިބިފައިވާނަމަ، އެ ގެއްލުމުގެ ބަދަލު ހޯދުމުގެ ޙައްޤު އިސްތިއުނާފު ރައްދުވާ ފަރާތްތަކަށް ލިބިގެންވާކަމުގައި އަހުރެން ދެކެމެވެ.
އިސްތިއުނާފު ކުރެވިފައިވާ މި މައްސަލަތަކުގައި ދިވެހިރާއްޖޭގެ ހައިކޯޓުން މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާކަމަށް ކަނޑައަޅާފައިވަނީ ޤާނޫނީ އުސޫލުތަކާ އެއްގޮތަށްކަމަށް އަހުރެންނަށް ބުރަވެއެވެ.
އަދި މި މައްސަލަތަކުގައި ހައިކޯޓުން ފޯރުކޮށްދީފައިވާ ޤާނޫނީ ޙައްލަކީ މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، ޢަދުލުވެރި ޙައްލެއް ކަމުގައި ނުފެންނާތީ، އެ ޙައްލަށް އަހުރެންނަށް ތާއީދު ނުކުރެވެއެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ. އަދި، ފަނޑިޔާރު މަހާޒު ޢަލީ ޒާހިރުގެ ރައުޔުގެ 68 ވަނަ ޕެރެގްރާފުގައި ފާހަގަކުރައްވާފައިވާ ފަދައިން، އިސްތިއުނާފު ރައްދުވާ ފަރާތްތައް ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އިތުރު އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ، އަދި އެފަދަ ގެއްލުމުގެ ބަދަލު ނަގައި ދިނުމަށް އެދި ހުށަހަޅައިފިނަމަ، އެ ހުށަހެޅުންތައް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު އާއި ޢަލީ ވަޙީދު ވ. މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އާއި ޙުސައިން ނަޒީފް ވ. ސިވިލް ސަރވިސް ކޮމިޝަން ގައި ކަނޑައަޅާފައިވާ ކަންކަމުގެ އަލީގައި، ވަކި މައްސަލައެއް ގޮތުގައި ބަލައި، ގޮތެއް ކަނޑައަޅަންޖެހޭ ކަމުގައި އަހުރެން ދެކެމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން؛
އިސްތިއުނާފު ކުރެވިފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A-02/01 ޤަޟިއްޔާއާއި، އެ ކޯޓުގެ ނަންބަރު 2015/HC-A-02/02 ޤަޟިއްޔާއާއި އެ ކޯޓުގެ ނަންބަރު 2015/HC-A-02/03 ޤަޟިއްޔާގައި ރިޑަންޑަންސީގެ ޙާލަތެއް މެދުވެރިވެފައި ނުވާކަމަށް ކަނޑައަޅާފައިވާ ބަޔަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދު ކޮށްފީމެވެ.
އަދި އެ ޤަޟިއްޔާތަކުގައި، މުވައްޒަފުން ވަކި ކޮށްފައިވަނީ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާއިމު ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމަށްފަހުގައި ކަމަށް ބެލެވެން ނެތްކަމަށް ކަނޑައަޅާފައިވާ ބަޔަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދު ކޮށްފީމެވެ.
އަދި އެ ޤަޟިއްޔާތަކުގައި ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކުގެ ވަޒީފާ ރުޖޫޢަކުރުމަށް ތާއީދުކޮށްފައިވާ ބައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ބާޠިލުކޮށްފީމެވެ.
އަދި މި މައްސަލަތަކުގައި މުވައްޒަފުން ވަކި ކޮށްފައިވަނީ، މުވައްޒަފުން ވަޒީފާގައި ހޭދަކުރި މުއްދަތަށް ބަލައި، ދޭންޖެހޭ ނޯޓިހުގެ ބަދަލުގައި ފައިސާ ދިނުމުގެ އިތުރަށް، ހަމަ އެ ޢަދަދަށް "ރިޑަންޑަންސީ ޕޭމަންޓް" ގެ ނަމުގައި އިތުރު ފައިސާގެ ޢިނާޔަތެއް ދިނުމަށްފަހު ކަމަށްވާތީ، ވަޒީފާއިން ވަކިކުރެވުނު ފަރާތްތަކަށް ދީފައިވާ ފައިސާގެ މިންވަރުތަކަކީ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާ ޙާލަތުގައި، ދެވިފައިވާ ޢަދުލުވެރި ބަދަލެއް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރުމަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.