ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2021/HC-A/294

ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ވ. ޢާތިކާ އިބްރާހީމް

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 58/VTR/2020 މައްސަލައިގެ ނިންމުމަށް…
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނެ މުއްދަތު ހަމަވާނީ 24 ޑިސެމްބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 24 ނޮވެމްބަރު 2026ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 58/VTR/2020ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 58/VTR/2020
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލުން (58/VTR/2020) ކަނޑައެޅީ، ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކޮށް، އެކަށީގެންވާ ސަބަބެއް ނެތި ވަކިކުރުމަކީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފު 'އަންފެއަރ ޑިސްމިސަލް' އެއް ކަމަށެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ގެ ދަށުން ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށް، ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި އިނާޔަތްތައް ދިނުމަށް އަމުރުކުރިއެވެ.
ވާޤިޢާ
ސުޕްރީމް ކޯޓުގައި ޑިރެކްޓަރެއްގެ މަޤާމުގައި ޑީ.ޖޭ.އޭގެ މުވައްޒަފެއްގެ ގޮތުގައި ހުރި ފަރާތެއް، ޝަކުވާއަކާ ގުޅިގެން ތަޙުޤީޤުކޮށް، ނޯޓިހެއް ނުދީ 2020 ވަނަ އަހަރު ވަޒީފާއިން ވަކިކުރިއެވެ. ތުހުމަތުތަކުގެ ތެރޭގައި ހާޒިރީ އޮޅުވާލުމާއި މުވައްޒަފުންނަށް ބިރުދެއްކުން ހިމެނެއެވެ. ޓްރައިބިއުނަލުގެ ނިންމުން ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިސްތިއުނާފުކުރުމަށްފަހު، ސުޕްރީމް ކޯޓުގެ 2022/SC-A/72 ޙުކުމާ ގުޅިގެން ޚަޞްމަކީ ޑީ.ޖޭ.އޭ ކަމުގައި ހަމަޖެހުނެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާތޯ ބެލުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ބޮޑަށް ބުރަވެވޭ މިންގަނޑާ އެއްގޮތަށްތޯ؛ އަދި ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އިތުބާރު ގެއްލިފައިވާކަމަށް ބުނުމުން، އެކަށީގެންވާ ސަބަބެއް ނެތި ވަކިކުރި މުވައްޒަފު ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ނިންމުމަކީ ޤާނޫނާ ޚިލާފު ނިންމުމެއްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
ޑީ.ޖޭ.އޭ ބުނީ، ޓްރައިބިއުނަލުން ބަޔާންތަކާއި ޤަރީނާތައް ވަޒަންކޮށްފައިވަނީ ސަބްޖެކްޓިވް މިންގަނޑަކުން ކަމަށާއި، އިތުބާރު ގެއްލިފައިވާއިރު 2018/SC-A/49 ގެ އުޞޫލަށް ރިޢާޔަތްނުކޮށް ވަޒީފާއަށް ރުޖޫޢަކުރަން އަމުރުކުރީ ކަމަށެވެ. ރައްދުވި ފަރާތް ބުނީ، ބަޔާންތަކަކީ އިވޭ އަޑުތަކާއި ހިޔަރސޭ އެވިޑެންސް ކަމަށާއި، ހާޒިރީ ރެކޯޑާއި ފިންގަރޕްރިންޓް ރިޕޯޓުން އޮޅުވާލުމެއް ނުފެންނަ ކަމަށާއި، އިތުބާރު ގެއްލުމަށް ހަރުދަނާ ސަބަބެއް ނެތް ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ވަޒީފާއިން ވަކިކުރި ސަބަބު އެކަށީގެންވާކަން ބޮޑަށް ބުރަވެވޭ މިންގަނޑުން ސާބިތުކުރަންޖެހެނީ ވަޒީފާދޭ ފަރާތުންނެވެ (ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާ). ހާޒިރީ އޮޅުވާލި ކަމުގެ ބަޔާންތަކަކީ ފެނި ނުވަތަ އެނގިގެން ދިން ބަޔާންތައް ނޫން، އޮފީހުގައި ދެކެވޭ ވާހަކަތަކަށް ބިނާކޮށް ދިން ބަޔާންތަކެވެ؛ ބާރުދޭ އިތުރު ހެއްކެއް ނެތެވެ. ބިރުދެއްކި ކަމަށް ބުނާ ބުނުމަކީ ތެދުބަހުން ކިޔައިދިނުމަށް ދިން އިރުޝާދެއް ކަމަށް ބުރަވެވެއެވެ. ޓްރައިބިއުނަލުން ހެކި ވަޒަންކުރުމުގައި ގޯހެއް ނުހަދައެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން އަސާސީ ޙައްލަކީ ވަޒީފާއަށް ރުޖޫޢަކުރުމެވެ. 2018/SC-A/49 ގެ ދަށުން އިތުބާރު ގެއްލުމަކީ ހަރުދަނާ ސަބަބުތަކަށް ބިނާވާންޖެހޭ ކަމެކެވެ؛ ބަޔާންދިން މުވައްޒަފުންގެ މެދުގައި ހިތްނުތަނަވަސްކަން އޮވެދާނެ ކަމަކީ އެފަދަ ސަބަބެއް ނޫނެވެ.

ނިންމުން

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 58/VTR/2020 މައްސަލައިގެ ނިންމުމަށް…

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ 58/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ޓްރައިބިއުނަލުގެ ނިންމުން ޤާއިމުކުރެވުނު (ފަނޑިޔާރުންގެ އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ވަޒީފާއާބެހޭ މައްސަލަތަކުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

HN2 މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ވަޒީފާދޭފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށް ދޭންޖެހޭނީ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުންނެވެ.

HN3 ބޮޑަށް ބުރަވެވޭ މިންގަނޑުގެ ދަށުން، ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެކަން ނުވުމަށްވުރެ ބޮޑަށް އެކަން ވެފައިވާކަމަށް ބެލެވޭކަމަށް ފަނޑިޔާރަށް ބުނެވޭވަރުވެއްޖެ ނަމަ ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވުނީއެވެ. ނަމަވެސް ދެ ގޮތްވެސް އެއީ ކަންވެފައި އޮވެދާނެ ގޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވަނީއެވެ.

HN4 ތުހުމަތުކުރެވޭ ޢަމަލު ކުރިކަން ބަޔާންދޭ ފަރާތަށް ފެނި ނުވަތަ އެނގިގެން ދީފައިވާ ބަޔާންތަކަށް ނުވާ، އޮފީސް ތެރޭގައި ދެކެވޭ ވާހަކަތަކެއްގެ މައްޗަށް ބުރަވެ ދީފައިވާ ބަޔާންތަކަކީ، އެ ބަޔާންތަކަށް ބާރުދޭ އިތުރު ހެއްކެއް ނެތްނަމަ، އެ ތުހުމަތު ސާބިތުވާކަމަށް ބެލުމަށް އެކަށީގެންވާ ހެކި ނޫނެވެ؛ މިގޮތަށް ބޮޑަށް ބުރަވެވޭ މިންގަނޑުން ހެކި ވަޒަންކުރުމަކީ ހެކި ވަޒަންކުރުމުގައި ހަދާ ގޯހެއް ނޫނެވެ.

HN5 މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ސާބިތުވާ ޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ދެވިދާނެ އެންމެ އަސާސީ ޙައްލަކީ އެ މުވައްޒަފަކު ވަކިކުރި އިރު އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމެވެ.

HN6 ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމުގައި، ވަޒީފާއިން ވަކިކުރުމަށް މެދުވެރިވީ މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ، އެކަމުގައި އެ މުވައްޒަފު ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންޖެހޭކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ.

HN7 ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތަކުގެ ތެރޭގައި ވަޒީފާ އަނބުރާ އިޢާދަނުކުރެވޭ މިންވަރަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން ހިމެނެއެވެ؛ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާނީތޯ ނުވަތަ ބަދަލުދޭނީތޯ ކަނޑައަޅުމުގައި އެ މައްސަލައިގައި ހިމެނޭ ޚާއްސަ ޙާލަތުތަކާއި ކަންކަން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަޒަންކުރަންވާނެއެވެ.

HN8 މުވައްޒަފުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ވަޒީފާދޭ ފަރާތުން ބުނާ ބުނުމަކީ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއްތޯ ބަލަންވާނެއެވެ؛ ވަޒީފާއިން ވަކިކުރާ މުވައްޒަފަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާދޭ ފަރާތުން ފަސްޖެހުމަކީ ވަޒީފާ އިއާދަނުކުރުމަށް އޮތް މަޤުބޫލު ސަބަބެއް ނޫނެވެ.

HN9 ތުހުމަތުތަކާ ގުޅިގެން ތަހުޤީޤަށް ބަޔާންދީފައިވަނީ ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ކަމަށްވާތީ، ވަޒީފާ ރުޖޫޢަކޮށްފިނަމަ މުވައްޒަފުންގެ މެދުގައި ހިތްނުތަނަވަސްކަމާއި ބިރުވެރިކަން އޮވެދާނެ ކަމަކީ ވަޒީފާގެ އިތުބާރު ގެއްލިފައިވާ ކަމަށް ބަލަންޖެހޭ ފަދަ ހަރުދަނާ ސަބަބެއް ނޫނެވެ.

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތް ތަމްސީލުކުރީ
ފާޠިމަތު ޢަލާޔާ ނަޢީމް، މަރްޔަމް އާޞިރާ
ޖަވާބުދާރީވި ފަރާތް ތަމްސީލުކުރީ
އިސްމާޢީލް އަޙްމަދު
ބެންޗު
މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)، ޙުސައިން މަޒީދު، ޢަބްދުއްރައޫފު އިބްރާހީމް
ރިޔާސަތު
މުޙައްމަދު ޝަނީޒް ޢަބްދުﷲ
ރައުޔު ލިޔުނު ފަނޑިޔާރު
މުޙައްމަދު ޝަނީޒް ޢަބްދުﷲ · ތާއީދުކުރެއްވީ: ޙުސައިން މަޒީދު، ޢަބްދުއްރައޫފު އިބްރާހީމް
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ދިވެހިރާއްޖޭގެ ހައިކޯޓު

ދިވެހިރާއްޖެ

ޝަރީޢަތް ނިމުނުގޮތް

ޤަޟިއްޔާ ނަންބަރު: 2021/HC-A/294

އިސްތިއުނާފުކުރި ފަރާތް: ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

އިސްތިއުނާފު ރައްދުވި ފަރާތް: ޢާތިކާ އިބްރާހީމް، އިސްތަފާގެ

މައްސަލައިގެ ބާވަތް: ވަޒީފާއިން ވަކިކުރުން

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ، ފަނޑިޔާރު ޙުސައިން މަޒީދު، ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް

ނިމުނު ތާރީޚް: 15 ޖުމާދަލްއާޚިރާ 1448 / 24 ނޮވެންބަރު 2026

ހައިކޯޓުގައި ޤަޟިއްޔާ ރަޖިސްޓްރީ ކުރެވުނު ތާރީޚް: 08 ޞަފަރު 1443 / 15 ސެޕްޓެންބަރު 2021

އިސްތިއުނާފުކުރެވުނު މައްސަލަ: ނަންބަރު: 58/VTR/2020 • ނިންމި ތަން: ވަޒީފާއާބެހޭ ޓްރައިބިއުނަލް • ބާވަތް: ވަޒީފާއިންވަކިކުރުން • ހުށަހެޅުނު ތާރީޚް: 12 މާރިޗު 2020 • ނިމުނު ތާރީޚް: 15 ޖުލައި 2021

އިސްތިއުނާފުކުރި ފަރާތް: ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ތަމްސީލުކުރި ފަރާތް: ލީގަލް އޮފިސަރ ފާޠިމަތު ޢަލާޔާ ނަޢީމް، ޑީޖޭއޭ

އެސިސްޓެންޓް ޑިރެކްޓަރ އޮފް ކޮމްޕްލެއިންޓްސް އެންޑް އިންވެސްޓިގޭޝަން މަރްޔަމް އާޞިރާ، ޖޭއެސްސީ

އިސްތިއުނާފު ރައްދުވި ފަރާތް: ޢާތިކާ އިބްރާހީމް، އިސްތަފާގެ

ތަމްސީލުކުރި ފަރާތް: އިސްމާޢީލް އަޙްމަދު، ކަރަންކާގެ

މަދަނީ- ވަޒީފާއާބެހޭ- ވަޒީފާއިން ވަކިކުރުން- ހެކި ވަޒަންކުރުން- ބޮޑަށް ބުރަވެވޭ މިންގަނޑު- ވަޒީފާ އިޢާދަކުރުން- އިތުބާރު ގެއްލުން-

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲގެ ރައުޔު

ތަޢާރުފު

1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 58/VTR/2020 މައްސަލަ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ އެ މައްސަލަ އިސްތިއުނާފުކުރުމަށް އެދި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން ބެލިފައިވާ ޤަޟިއްޔާއެކެވެ.

2ނަމަވެސް މި މައްސަލަ ހުށަހެޅުނު ފަހުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޖުޑީޝަލް ސަރވިސް ކޮމިޝަން ވ. ޢަބްދުﷲ ޝާކިރު އަދި އިތުރު 9 ފަރާތެއް މައްސަލައިގެ ޙުކުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނުން ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ތަމްސީލުކުރުމަށް ދިޔަދިއުން ހުއްޓާލުމަށް ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މި ކޯޓަށް އަންގާފައިވެއެވެ.

3ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ޙުކުމާ ގުޅިގެން މި މައްސަލައިގައި ޖުޑީޝަލް ސަރވިސް ކޮމިޝަން ގެ ބަދަލުގައި ޚަސްމެއްގެ ގޮތުގައި ޑިޕާރޓްމަންޓް އައްޔަނުކޮށްދިނުމަށް ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން އެދިފައިވެއެވެ.

4އެ ގޮތުގެމަތިން މި ޤަޟިއްޔާގެ އިސްތިއުނާފު ކުރާ ފަރާތުގެ ގޮތުގައި ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ޑީ.ޖޭ.އޭ") ހަމަޖެހިފައިވެއެވެ.

5މި ޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ އދ. މާމިގިލީ/ އިސްތަފާގެ، ޢާތިކާ އިބްރާހީމް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ޢާތިކާ އިބްރާހީމް")އެވެ.

މައްސަލައިގެ ކަން ހިނގިގޮތް

6ޢާތިކާ އިބްރާހީމަކީ، 14 ފެބްރުވަރީ 2010 ވަނަ ދުވަހުން ފެށިގެން ޑީ.ޖޭ.އޭ ގެ މުވައްޒަފެއްގެ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ.

7އެ ކޯޓުގެ ޑިރެކްޓަރެއްގެ މަޤާމުގައި ޢާތިކާ އިބްރާހީމް ވަޒީފާ އަދާކުރަމުން ދަނިކޮށް، ޑީ.ޖޭ.އޭ އަށް ހުށަހެޅިފައިވާ ޝަކުވާއަކާ ގުޅިގެން ވަޒީފާއަށް ނިކުތުން ވަގުތީ ގޮތުން މަނާ ކުރެވިފައިވާ ކަމަށް ޑީ.ޖޭ.އޭ އިން އަންގާފައިވާ ކަމަށް ބުނެ އެ މައްސަލައިގެ ތަޙުޤީޤުގެ މުއްދަތަށް ކޯޓަށް ނިކުތުން މަނާކުރިކަން 18 ނޮވެންބަރު 2019 ގައި ޢާތިކާ އިބްރާހީމަށް އެ ކޯޓުން އެންގިއެވެ.

8އެ ޝަކުވާއާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ކަމަށް ބުނެ 09 ޑިސެންބަރު 2019 ގައި ޑީ.ޖޭ.އޭއަށް ޢާތިކާ އިބްރާހީމު ހާޒިރުކޮށް ބަޔާނެއް ނަގައި، އޭގެ ގާތްގަނޑަކަށް ދެ މަސް ފަހުން އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި 02 ފެބްރުވަރީ 2020 ގައި ޢާތިކާ އިބްރާހީމު ވަޒީފާއިން ވަކިކުރިއެވެ.

9ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި ވަޒީފާއިން ވަކިކުރި ސަބަބު ކަމުގައި ބަޔާންކޮށްފައިވަނީ؛ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 212 ވަނަ މާއްދާގެ (ނ)ގެ 4.3 އަދި، 19 ވަނަ ނަންބަރާއި، ޝަރުއީދާއިރާގެ މުވައްޒަފުންގެ ޤަވާއިދު 2011 ގެ 213 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، އެ ޤަވާއިދުގެ 93 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

10ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރުމެއްނެތި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާޢިދާ ޚިލާފަށް ކަމަށް ބުނެ ޢާތިކާ އިބްރާހީމުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.

11ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 58/VTR/2020 މައްސަލައިން ބެލި އެ މައްސަލައިގައި ޢާތިކާ އިބްރާހީމުގެ ފަރާތުން އެދިފައިވަނީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާ، އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރުމެއްނެތި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާއި ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި، ޢާތިކާ އިބްރާހީމު އަދާކުރަމުންދިޔަ ވަޒީފާ އަލުން އަނބުރާ އިއާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އިއާދަކުރުމާ ހަމައަށް ލިބެންޖެހޭ މުސާރައާ އިނާޔަތް ނަގައިދިނުމަށާއި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ އާއި ނޯޓިހެއް ދިނުމަކާ ނުލައި އަދި ނޯޓިހުގެ ބަދަލުގައި އެއްވެސް ފައިސާއެއް ދިނުމެއްނެތި ކުއްލި ގޮތަކަށް ވަޒީފާއިން ވަކިކޮށްފައިވާތީ ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ޢަދަލުވެރި ބަދަލެއް ނަގައިދިނުމަށެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތް

12އެ މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އަންނަނިވި ފަދައިންނެވެ.

"..... މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރެވިފައި ނުވާކަމަށް ކަނޑައަޅައި، މައްސަލަ ރައްދުވި ފަރާތުގެ ވަޒީފާއިން މައްސަލަ ހުށަހެޅި ފަރާތް ވަކިކުރެވިފައިވަނީ އެކަށީގެންވާ ސަބަބެއްނެތި، އަދި ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށް ކަމަށް ކަނޑައަޅައި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމަކީ 'އަންފެއަރ ޑިސްމިސަލް' (unfair dismissal) އެއްކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް، މައްސަލަ ހުށަހެޅި ފަރާތް އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަށާއި، މައްސަލަ ހުށަހެޅި ފަރާތަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މުވައްޒަފެއްކަމުގައި ނުބެލުމަށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، ވަޒީފާ އަނބުރާ ރުޖޫއަކުރުމާ ހަމައަށް ވާ މުއްދަތުގައި މައްސަލަ ހުށަހެޅި ފަރާތް ވަޒީފާގައި ދެމިހުރިނަމަ ހައްޤުވާނެ މުސާރައާއި އިނާޔަތްތައް މައްސަލަ ހުށަހެޅި ފަރާތަށް ދިނުމަށް މި މައްސަލަ ރައްދުވި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މައްޗަށް އަންގައި އަމުރުކޮށް، އިސްވެ ބަޔާންކުރެވުނު އެންމެހައި ކަންކަން މިއަދު، 15 ޖުލައި 2021 އިން ފެށިގެން ރަސްމީ ބަންދުނޫން 21 (އެކާވީސް) ދުވަހުގެ ތެރޭގައި ފުރިހަމައަށް ތަންފީޒުކުރުމަށްފަހު، އެކަން ހަމަޖެހޭތާ (ރަސްމީ ބަންދުނޫން) 03 (ތިނެއް) ދުވަހުގެ ތެރޭ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މިމައްސަލަ ރައްދުވި ޖުޑީޝަލް ސަރވިސް ކޮމިޝަންއަށް އަންގައި އަމުރު ކޮށްފީމެވެ."

އިސްތިއުނާފުކުރުމަށް ހުށަހެޅި ނުކުތާތައް

13ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 58/VTR/2020 މައްސަލަ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފުކަމަށް ބުނެ މައްސަލަ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވަނީ އަންނަނިވި ދެ ނުކުތާއެވެ.

13.1 ޢާތިކާ އިބްރާހީމް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އަދާކުރަމުން އައި ޑިރެކްޓަރގެ މަޤާމުން ވަކިކުރީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާޢިދު 2011 އާ ޚިލާފު ޢަމަލުތަކެއް ޢާތިކާ އިބްރާހީމުގެ ފަރާތުން ފެނި، އެކަމުގެ ޝަކުވާ ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބުމުން، އެ ޝަކުވާތަކާ ގުޅިގެން ތަޙުޤީޤުކޮށް، ކަމާ ގުޅުންހުރި މުވައްޒަފުންގެ ބަޔާންނަގައި އަދި ޢާތިކާ އިބްރާހީމަށް ވެސް މިޝަކުވާތަކާ ގުޅިގެން ޖަވާބުދާރީވުމުގެ ފުރުޞަތު ދެވި މި މައްސަލަ (ވަޒީފާއިން ވަކިކުރި މައްސަލަ) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލައި، ޢާތިކާ އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމެއް ޤާއިމުކުރުމެއްނެތި ކަމަށް ކަނޑައަޅާފައި ވުމާއި ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އޮތް އިތުބާރު ގެއްލިފައިވާއިރު ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ކަނޑައަޅާފައިވުން.

13.2 އެކަށީގެންވާ ސަބަބެއްނެތި ޢާތިކާ އިބްރާހީމް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ނިންމާ ވަޒީފާއާބެހޭ ޓްރައިބިއުނަލުން، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޢާތިކާ އިބްރާހީމްއަށް ޙައްލު ކަނޑައަޅާދީފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ދީފައިވާ އިރުޝާދަށް ރިޢާޔަތްކުރުމެއް ނެތި އަދި އެފަދަ ޙާލަތެއް މިމައްސަލައިގެ ވޭތޯ ވަޒަން ކުރުމެއް ނެތިކަމަށެވެ.

އިސްތިއުނާފު ކުރާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ

14އިސްތިއުނާފީ ނުކުތާތައް ތަފުސީލުކުރަމުން އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތަކުގައި ޖުމުލަކޮށް ބުނެފައިވަނީ، ޢާތިކާ އިބްރާހީމް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ގާއިމުކުރެވިފައި ނުވާ ކަމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ، ޢާތިކާ އިބްރާހީމް ވަޒީފާއިން ވަކިކުރި މައްސަލައާ ގުޅިގެން ޑީ.ޖޭ.އޭ އިން ނަގާފައިވާ ބަޔާންތަކާ އެބަޔާންތަކުން ދޭހަވާ ޤަރީނާތައް ހެކި ވަޒަންކުރުމުގައި ބަލަންޖެހޭ މިންގަނޑުން ވަޒަންކުރުމެއްނެތި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ޤަޟިއްޔާގައި ޤަރީނާއިން ކަންކަން ސާބިތުކުރުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ކަމަށެވެ. އެގޮތުން ހާޒިރީ އޮޅުވާލާކަން ސާބިތުނުވާކަމަށް ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ސަބްޖެކްޓިވް މިންގަނޑަކުންކަމަށާއި، އަދި މުވައްޒަފުންތަކަށް ބިރުދައްކާފައިވާކަމަށް ޤަބޫލުނުކުރެވޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިވަނީ މުވައްޒަފުންދީފައިވާ ބަޔާންތަކާއި ވަށައިގެންވާ އެހެންކަންކަމަށް ގުޅުވުމެއް އަދި ރިޢާޔަތްކުރުމެއް ނެތިކަމަށެވެ.

15ވަޒީފާއަށް މުވައްޒަފު ރުޖޫޢަކުރުމަށް އަމުރެއް ނެރުމުގެ ކުރިން އެއަމުރެއް ނެރުމުގައި ހުރަސްއަޅާނެ ޙާލަތްތަކެއް ހުރިތޯ އާއި އެވަޒީފާއަށް ނެރުމަށް އަމުރުކުރުމަކީ ޢަމަލީގޮތުން ކުރެވިދާނެ ކަމެއްތޯ ބަލަންވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު މިފަދައިން ކަނޑައެޅުމުގައި ބެލިދާނެ ކަންކަމުގެ ތެރޭގައި އަނބުރާ އިޔާދަނުކުރެވޭނެ މިންވަރަށް ވަޒީފާދޭ ފަރާތާ މުވައްޒަފާ ދެމެދު އިތުބާރު ގެއްލިފައިވުން ހިމެނޭ ކަމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ވަޒީފާދޭ ފަރާތުގެ އިތުބާރާ ޔަޤީންކަން އަނބުރާ އިޢާދަނުކުރެވޭނެ މިންވަރަށް ގެއްލިފައިވާ ސަބަބުތަކާ، ސަބަބުތަކަށް ބާރުދޭ ކަންތައްތަކެއް ހުރިއިރުވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމުމުގައި ހުރި ވަޒީފާއަށް އިޢާދަކުރުމަށް އަންގާފައިވަނީ ބުނެވުނު ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލަށް ރިޢާޔަތްކުރުމެއްނެތި ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން އެދޭގޮތް

16އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 58/VTR/2020 މައްސަލަ ނިންމުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތް އަދާކުރަމުންދިޔަ މަޤާމަށް އެފަރާތް ރުޖޫޢަކުރުމަށާއި، އިސްތިއުނާފު ރައްދުވާ ފަރާތަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާ ދިނުމަށް ކަނޑައަޅައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ބާޠިލުކޮށްދިނުމަށެވެ.

އިސްތިއުނާފުރައްދުވާ ފަރާތުން ދެއްކި ވާހަކަތަކުގެ ޚުލާސާ

17ރައްދުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ބުނެ އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރަނީ ދެކަމެއް ކަމަށާއި؛

17.1 ފުރަތަމަ ކަމަކީ އިސްތިއުނާފުކުރާ ފަރާތުގެ ހާޒިރީ ރިޕޯޓު އޮޅުވާލާކަމަށް ނުވަތަ ބަދަލުކުރާ ކަމަށް ބުނާ ބުނުން ކަމަށާއި، އެކަމަށް ބާރުދޭ ކަމެއްގެ ގޮތުގައި ފާހަގަކުރަނީ ދެ މުވައްޒަފެއްގެ ބަޔާނުގައި އެފަދައިން ބަޔާންކޮށްފައިވުން ކަމަށެވެ. ނަމަވެސް އެ ބަޔާންތަކަށް ބެލުމުން އެ ދެ މުވައްޒަފުންގެ ފަރާތުން އެފަދައިން ބުނަނީ އެފަދަ ކަމެއް ފެނި ނުވަތަ އެނގިގެން ނޫންކަމަށާއި އެފަރާތުގެ ބުނުމަކީ އިވޭ އަޑުތަކަކަށް ނޫނީ ވަކި ބަޔަކު ބުނެފައިވާ ބުނުންތަކަކަށް ބަލައިގެން ބުނާބުނުމެއްކަން އެބަޔާންތަކުން އެނގެން އޮންނަ ކަމަށެވެ. އަދި އިސްތިއުނާފު ކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބުފޯމާ އެކީގައި އެގްޒިބިޓް 2 ގެ ގޮތުގައި ހިމަނާފައިވާ ހާޒިރީ ރެކޯޑާއި އެގްޒިބިޓް 6 ގެ ގޮތުގައި ހިމަނާފައިވާ ފިންގަރޕްރިންޓް މެޝިނުގެ ރިޕޯޓަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތުން ހާޒިރީއަށް އޮޅުވާލާފައިވަނީ ނޫން ކަމާއި އިސްތިއުނާފު ރައްދުވާ ފަރާތުން ހާޒިރީގައި ބަޔާންކޮށްފައިވާ ގަޑިތަކަކީ ވަޒީފާއަށް ނޫނީ އެދުވަހު ހާޒިރުވި ގަޑިކަން ސާފުކޮށް އެނގެން އޮންނަކަމަށެވެ.

17.2 ދެވަނަ ކަމެއްގެ ގޮތުން ބުނަނީ އިސްތިއުނާފު ރައްދުވާ ފަރާތުން މުވައްޒަފަކަށް ބިރުދައްކާފައިވުން ކަމަށާއި، މުވައްޒަފަކަށް ބިރުދެއްކިކަމަށް ބުނާ ހާދިސާ ހިނގިއިރު ފެނުނު ފަރާތްތަކުގެ ބަޔާން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅުނު ކަމަށާއި، އެބަޔާންތަކަށާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަޔާނަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތުން ބިރުދެއްކި ކަމަށް ބުނާ މުވައްޒަފާ މުއާމަލާތް ކޮށްފައިވަނީ ރުޅިވެރިކަމާއެކު ނުވަތަ ބިރު ދެއްކުމުގެ ގޮތުންކަން އެބަޔާންތަކުން ފާހަގަވާން ނެތްކަމަށެވެ. ހެކި ވަޒަންކުރުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުގެ އަލީގައި އެބަޔާންތަކަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތުން ބިރުދެއްކި ކަމަށް ބުނާ މުވައްޒަފާ ވާހަކަ ދައްކާފައިވަނީ ބިރުދެއްކުމުގެ ގޮތުންކަމަށްވުރެ ބޮޑަށް ބުރަވެވެނީ ތެދު ބަހުން ކަން ހިނގައިދިޔަގޮތް ހާމަކޮށްދިނުމަށް ބާރު އެޅުމުގެ ގޮތުން ބުނި ބުނުމެއްކަމަށެވެ.

18ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާގައި ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތަކާއި ވަޒީފާ ރުޖޫޢަކުރުމުގެ ބާރުއަޅާ ސަބަބުތަކެއް ބަޔާންކޮށްފައިވާ ކަމަށާއި، އެގޮތުން ވަޒީފާއިން ވަކިކުރެވުނު މުވައްޒަފާ މެދު ވަޒީފާދޭ ފަރާތުގެ އިތުބާރު ގެއްލިފައިވާކަމަށް ބުނާ ޙާލަތުގައި އެކަމުގައި ގޮތެއްކަނޑައެޅުމުގައި ކޯޓުން ނުވަތަ ޓްރައިބިއުނަލުން ސަމާލުކަން ދޭންވާނެ ކަންތައްތަކެއް ވެސް އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވާއިރު، މުވައްޒަފުގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމެއްކަމަށް ވަޒީފާދޭ ފަރާތުން ބުނާ ބުނުމަކީ ބުއްދީގެ ހަމަތަކުގެ މަތިން ދެކޮޅުޖެހޭ ހަރުދަނާ ސަބަބުތަކެއްގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއްތޯ ބަލަންވާނެ ކަމަށް އެޤަޟިއްޔާގައި ބަޔާންކުރާ ކަމަށެވެ.

19މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ޣައިރު ސުލޫކީ ޢަމަލެއް ހިންގާފައިވާ ކަމަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި އިސްތިއުނާފު ކުރާ ފަރާތުން މުވައްޒަފުންގެ ބަޔާންތަކުން ފާހަގަވާ ގިނަ ކަންތައްތަކަކީ ހިޔަރސޭ އެވިޑެންސް ނުވަތަ އެހެންފަރާތަކުން ބުނި ބުނުމެއްގެ މައްޗަށް ބުނާ ބުނުން ތަކެއްކަން އެ ބަޔާންތަކަށް ބެލުމުން އެނގޭ ކަމަށާއި، ގުޅުވާލެވޭ އިތުރު ހެކިތަކެއް ނެތި، މިފަދަ ބަލިކަށި ހެކިތަކަކަށް ބަލައިގެން، ހަމައެކަނި ބުނާ ބުނުމެއްގެ މައްޗަށް ބަލާ އިސްތިއުނާފު ރައްދުވާ ފަރާތުގެ އިތުބާރު ގެއްލިފައިވާ ކަމަށް ކަނޑައެޅުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށް ނުދެކޭކަމަށެވެ.

20މައްސަލައިގެ ތަޙުޤީޤަށް ބައެއް މުވައްޒަފުން ދީފައިވާ ބަޔާންތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބެލުމުން އިސްތިއުނާފު ރައްދުވާ ފަރާތުގެ އިތުބާރު ގެއްލިފައިވާކަމަށް ބުނެ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާގައި ބެހެއްޓުމަކީ އެންމެ ޢަދުލުވެރި ގޮތްކަމަށް ޤަބޫލުނުކުރެވޭ ކަމަށް އިސްތިއުނާފުކުރި ފަރާތުން ފާހަގަކުރާ އިރު މިކަމަކީ އިސްތިއުނާފު ކުރި ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި އެއްވެސް މިންވަރަކަށް ވާހަކަދައްކާފައިވާ ކަމެއްނޫން ކަމަށާއި ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ) އަށް ރިއާޔަތްކުރާއިރު އިސްތިއުނާފު ރައްދުވާ ފަރާތުގެ އިތުބާރު ނެތްކަން ނުވަތަ ނޫންކަން ކަނޑައެޅުމުގައި އެބަޔާންތަކަށް ޙަވާލާދެވޭނެ ކަމަށް ނުދެކޭ ކަމަށާއި އަދި ބަހުސް ގެ ބޭނުމަށް އެދިފާޢު އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ ކަމަށް ބެލި ނަމަވެސް ޙަވާލާދޭ އެބަޔާންތަކުން އިސްތިއުނާފު ރައްދުވާ ފަރާތުގެ އިތުބާރު ގެއްލިފައިވާކަމަށް ކަނޑައެޅޭފަދަ އެކަށީގެންވާ ހެކިތަކެއް ނެތްކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް

21އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 58/VTR/2020 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް އިސްތިއުނާފު ކުރާ ފަރާތުން ހުށަހެޅިފައި ނުވާކަމަށް ކަނޑައަޅައިދިނުމާއެކު، އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 58/VTR/2020 މައްސަލައިގެ ނިންމުން ބާޠިލު ކުރާނެތަނެއް ނެތްކަމަށް ކަނޑައަޅައިދީ މިމައްސަލަ ނިންމައިދިނުމަށެވެ.

ފާހަގަކުރެވުނު ކަންކަން

22ހުށަހަޅާފައިވާ އިސްތިއުނާފާއި ދެފަރާތުން ދެއްކި ވާހަކަތަކަށް ބަލާއިރު މި އިސްތިއުނާފުގައި ޖަވާބު ދޭންޖެހޭނީ މައިގަނޑު އަންނަނިވި ދެނުކުތާގެ މައްޗަށެވެ.

22.1 މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާ ކަމަށް ބެލުމުގައި ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ މިފަދަ މައްސަލަތަކުގައި ހެކި ވަޒަންކުރުމަށް އޮންނަ މިންގަނޑާ އެއްގޮތަށްކަން ނުވަތަ ނޫންކަން؛

22.2 ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢަކުރުމަށް ނިންނިންމުން ޤާނޫނާ ޚިލާފުތޯ ނުވަތަ ނޫންތޯއެވެ.

މި މައްސަލައިގައި ހެކި ވަޒަންކުރުމަށް އޮންނަ މިންގަނޑާ އެއްގޮތަށް ހެކި ވަޒަންކޮށްފައިވޭ ހެއްޔެވެ.

23HN1HN2ވަޒީފާއާބެހޭ މައްސަލަތަކުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ، ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށް ވާއިރު، މިފަދަ މައްސަލަތަކުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ވަޒީފާދޭފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށް ދޭންޖެހޭނީ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ޤަޟިއްޔާތަކުގައި އެކަށައަޅައި، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އާންމު ޤާނޫނުގައި އިސްތިޤުރާރުވެފައިވެއެވެ.

24އިސްތިއުނާފުކުރާ ފަރާތުން ފާހަގަކުރަނީ، މިމައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވާ ކަމަށް ކަނޑައެޅުމުގައި، ހެކި ގަރީނާ ވަޒަންކުރުމުގައި ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑަށް ރިޢާޔަތްކޮށްފައިވާ ގޮތް ރަނގަޅު ނޫންކަމަށެވެ.

25HN3ބޮޑަށް ބުރަވެވޭ މިންގަނޑު ތަޠުބީގުކުރާނެ ގޮތް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ އަންނަނިވި ފަދައިންނެވެ.

"ކަން ހިނގާފައިވާ ގޮތްކަމަށް ބުނާ ދެ ގޮތެއް ފަނޑިޔާރެއްގެ ކުރިމަތީގައި އޮވެފައި އެއިން އެއްވެސް ގޮތަކީ މުސްތަހީލު ގޮތެއް ކަމަށް ނުބެލެވޭނަމަ، އެ ތަނުން އެއްގޮތަކީ ވުން މާ ދުރު ގޮތެއް ކަމަށް ފަނޑިޔާރު ކަނޑައަޅައިފިނަމަ، ދެން ބާކީ އޮންނަ ގޮތަކީ ބޮޑަށް ގަބޫލުކުރެވޭ މިންގަނޑުން އެކަމެއް ވެފައިވާ ގޮތް ކަމަށް ބެލެވިދާނެއެވެ. ހަމައެގޮތަށް، ހުށަހެޅިފައިވާ ހެކިތައް ވަޒަންކުރާއިރު، ކަންވެފައިވާ ގޮތް ކަމަށް ވެދާނޭ ތިންގޮތެއް ނުވަތަ އެއަށްވުރެ ގިނަ ގޮތްތަކެއް ފަނޑިޔާރުގެ ކުރިމަތީގައި ހުރެއްޖެނަމަ، އެ ހުރިހާ ގޮތްތަކެއް ފަނޑިޔާރު ވަޒަންކޮށް، ކަންވެފައިވާ ގޮތާ އެންމެ ގާތްކުރާ ގޮތްތަކުގެ ތަރުތީބުން އެ ގޮތްތައް އަތުރާލުމުން، އެ ތަނުން ކަންވުމާ އެންމެ ގާތްގޮތް ނުވަތަ ކަންވެފައިވާ ކަމަށް ފަނޑިޔާރަށް ބުރަވެވޭ ގޮތް އޮންނާނީ ހޯދިފައެވެ...ހުށަހެޅިފައިވާ ހެކިތަކަށް ބަލާއިރު، އެކަން ނުވުމަށްވުރެ ބޮޑަށް އެކަން ވެފައިވާކަމަށް ބެލެވޭކަމަށް ފަނޑިޔާރަށް ބުނެވޭވަރުވެއްޖެ ނަމަ ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވުނީއެވެ. ނަމަވެސް ދެ ގޮތްވެސް އެއީ ކަންވެފައި އޮވެދާނޭ ގޮތްކަމަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ، ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތު އަދާކުރެވިފައި ނުވަނީއެވެ... ޕަސެންޓޭޖުގެ އުސޫލުން ބަޔާންކުރާ ކަމަށް ވެއްޖިއްޔާ، ކަމެއް ވެފައިވާ ކަމަށް %50 އަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ ދައުވާކުރާ ފަރާތަށް މައްސަލަ ގެއްލުނީއެވެ. އެއާ ޚިލާފަށް ކަންވެފައިވާ ކަމަށް %51 އަށް ފަނޑިޔާރަށް ގަބޫލުކުރެވޭނަމަ އެ ދައުވާ ދައުވާކުރާ ފަރާތަށް ކާމިޔާބު ވާނެއެވެ. އެހެންކަމުން ބޮޑަށް ގަބޫލުކުރެވޭ ގޮތުގެ މިންވަރަކީ %1 ގެ ތަފާތެއް ކަމަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ."

26މިމައްސަލައަށް ބަލާއިރު، ނޯޓިހެއް ދިނުމެއް ނެތި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތާ ގުޅޭގޮތު އިސްތިއުނާފުކުރާ ފަރާތަށް ހުށަހެޅުނު މައްސަލައާ ގުޅިގެން އެ ފަރާތުން ތައްޔާރުކޮށްފައިވާ ރިޕޯޓުގައި ފާހަގަކޮށްފައިވާ އަންނަނިވި ޢަމަލުތަކާ ގުޅިގެންނެވެ.

(ހ) ވަޒީފާއަށް ހާޒިރުވުމުގައި ގަޑި ޖެހުން؛

(ށ) ހާޒިރީ ބަދަލުކުރުން ނުވަތަ ހާޒިރީ އޮޅުވާލާ ކަމަށް؛

(ނ) ކޯޓުގެ މުވައްޒަފުންތަކަކަށް ބިރު ދައްކާފައިވާ ކަމަށް؛

(ރ) އިސްތިއުނާފު ރައްދުވާ ފަރާތުގެ އަރިސް މުވައްޒަފުން ހާއްސަކޮށް ޕްރޮޓޮކޯލް ޑިވިޜަންގައި މަސައްކަތްކުރާ މުވައްޒަފުންނާ ކޯޓުގެ އެހެން މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް ތަފާތުކުރުން ގެންގުޅުމާއި؛

(ބ) އެއް މައްސަލައަކާ ގުޅިގެން ކޯޓުގެ މުވައްޒަފަކަށް ދެވަނަ ފަހަރަށް ފިޔަވަޅުއަޅާފައިވުމާއި؛

(ޅ) ކޯޓުގެ އެކިއެކި މަޤާމުތަކަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ޕެނަލްތަކުގައި، ފަނޑިޔާރުން ވިދާޅުވެގެން ކަމަށް ބުނެ ވަކި ބަޔަކަށް ވަޒީފާ ހަމަޖެއްސުމަށް މަޤާމުގެ ނުފޫޒު ބޭނުންކުރުމާއި؛

(ކ) ސުޕްރީމް ކޯޓުގެ އިދާރީ އެންމެ އިސް މުވައްޒަފު ސޮއިކޮށް ޕްރޮޓޮކޯލް ޑިވިޜަނަށް ފޮނުވާފައިވާ މެމޯއެއް ބާޠިލުކުރުން.

27މި އިސްތިއުނާފު ބިނާކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކޮށްފައިވާ އިސްވެ ބަޔާންކުރެވުނު ކަންކަމުގެ ތެރެއިން ހާޒިރީ އޮޅުވާލުމާއި، މުވައްޒަފުން ތަކަކަށް ބިރު ދައްކާފައިވުމުގެ މައްޗަށެވެ. އިސްތިއުނާފު ކުރާ ފަރާތުން ބުނަނީ، މި ކަންކަމާއި އަދި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު އިތުރު ޝަކުވާތަކާ ގުޅިގެން މުވައްޒަފުން ދިން ބަޔާންތަކާއި ކަމާގުޅޭ މަޢުލޫމާތު ތަކަށް ބަލާއިރު އިސްތިއުނާފު ރައްދުވާ ފަރާތުގެ ޢަމަލުތައް ހުރީ މަސައްކަތުގެ އަޙްލާގު އެކަށީގެންނުވާ މިންވަރަށްކަން މަދަނީ މިންގަނޑު ސާބިތުވާ ކަމަށެވެ.

28މިމައްސަލައިގައި ހެކި ޤަރީނާތައް ޓްރައިބިއުލަން ވަޒަންކޮށްފައިވާ ގޮތަށް ބަލާއިރު، ހާޒިރީ ބަދަލުކުރުން ނުވަތަ ހާޒިރީ އޮޅުވާލާ ކަމަށް ބުނަނީ، އިސްތިއުނާފު ރައްދުވާ ފަރާތް ގަޑިޖެހިގެން އޮފީހަށް ހާޒިރުވުމަށްފަހު، ގަޑި ނުޖެހޭކަމަށް ހާޒިރީ ފޮތުގައި ނޯޓުކުރާ ކަމުގެ ވާހަކަ އޮފީސް ތެރޭގައި ދެކެވޭ ކަމަށް ސުޕްރީމް ކޯޓުގެ ކޯޓު އޮފިސަރ އަޙްމަދު ޢަބްދުﷲ އާއި އެޗް.އާރު ސެކްޝަނުގެ އެޑްމިން އޮފިސަރ އަޙްމަދު އަންވަރު ތަޙުޤީޤަށް ދީފައިވާ ބަޔާނުގައި ބުނެފައިވުމާއި، ހާޒިރީ ފޮތުގައި ސޮއިނުކޮށް ހުންނާތީ ހާޒިރީ ބަލަހައްޓާ މުވައްޒަފެއްގެ ހައިސިއްޔަތުން އަޙްމަދު އަންވަރު އެ ފޮތް ހިފައިގެން ދިއުމުން، އިސްތިއުނާފު ރައްދުވާ ފަރާތުން ހާޒިރީ ފޮތުގައި ލިޔަނީ އަންދާޒާކޮށް ލިޔާ ވަގުތެއްކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް އަޙްމަދު އަންވަރުގެ ބަޔާނުގައި ބުނެފައިވާތީ، އޭރު ހާޒިރީގެ ކަންކަމުގައި އެކޯޓުގައި އޭރު ޢަމަލުކުރަމުންދިޔަ އުސޫލަށް ބަލާއިރު އެއީ ހިގާފައިވާ ކަމަށް ބެލުމުގެ އިހުތިމާލު އޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ތައްޔާރުކުރި ރިޕޯޓުގައި ފާހަގަކޮށްފައިވުމުންނެވެ.

29HN4އެ ތުހުމަތު ސާބިތުކުރުމަށް ހުށަހެޅި ހެކި ޤަރީނާތައް ވަޒަންކޮށް ޓްރައިބިއުނަލުން ކަނޑައެޅީ، ހާޒިރީ އޮޅުވާލާ ކަމަށް ބެލުމަށް އެކަށީގެންވާ ހެކި ނެތްކަމަށެވެ. އެފަދައިން ކަނޑައެޅީ އިސްތިއުނާފުކުރި ފަރާތުގެ ތަހުޤީޤަށް ސުޕްރީމް ކޯޓުގެ ކޯޓު އޮފިސަރ އަޙްމަދު ޢަބްދުﷲ ދީފައިވާ ބަޔާނާއި އެޗް.އާރު ސެކްޝަނުގެ އެޑްމިން އޮފިސަރ އަޙްމަދު އަންވަރު ދީފައިވާ ބަޔާނަށް ބަލާއިރު، އެފަރާތުގެ ބަޔާނަކީ އެފަދަ ޢަމަލެއް އިސްތިއުނާފު ރައްދުވާ ފަރާތް ކުރިކަން އެއިން ފަރާތަކަށް ފެނި ނުވަތަ އެނގިގެން ދީފައިވާ ބަޔާންތަކަށް ނުވާތީއެވެ. އެ ބަޔާންތަކަކީ، އޮފީސް ތެރޭގައި ދެކެވޭ ވާހަކަތަކެއް މައްޗަށް ބުރަވެ ދީފައިވާ ބަޔާންތަކަށް ވުމާއި، އެފަރާތުގެ ބަހަކީ އެއީ އެއްވެސް ހެއްކެއް ނެތި އެފަރާތްތަކުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުރަވެވޭކަމަށް ޓްރައިބިއުނަލުން ފާހަގަކޮށްފައިވެއެވެ. އަދި ހާޒިރީ އޮޅުވާލާކަމަށް ބެލުމަށް އެބަޔާންތަކަށް ބާރުދޭ އިތުރު ހެއްކެއް އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާފައިނުވެއެވެ.

30އަދި ކޯޓުގެ މުވައްޒަފުންތަކަކަށް ބިރުދައްކާފައިވާކަމަށް ކުރި ތުހުމަތު ސާބިތުކޮށް ދިނުމަށް ހުށަހެޅިފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ މުވައްޒަފުން ތަޙުޤީޤަށް ދީފައިވާ ބަޔާންތަކެވެ. އެ ބަޔާންތަކަށް ބަލައި ޓްރައިބިއުނަލަށް ނިންމީ އިސްތިއުނާފު ރައްދުވާ ފަރާތް ސުޕްރީމް ކޯޓުގެ މުވައްޒަފަކަށް ނުވަތަ މުވައްޒަފުންތަކަކަށް ބިރުދައްކާފައިވާކަމަށް ބުރަނުވެވޭ ކަމަށެވެ. އެގޮތުން އިސްތިއުނާފު ރައްދުވާ ފަރާތުގެ ތަހުޤީޤަށް ސްޕްރީމް ކޯޓުގެ އެޗް.އާރު ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު މައުރޫފް އަދި އެޑްމިނިސްޓްރޭޓިވް އޮފިސަރ މަރްޔަމް ފާޚިރާ ދީފައިވާ ބަޔާނަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާއިރު، ފާހަގަކޮށްފައިވަނީ އިސްތިއުނާފު ރައްދުވާ ފަރާތް މުވައްޒަފުންތަކަކަށް ބިރުދައްކާފައިވާކަމަށް ބެލެވޭކަމަށް މައްސަލަ ބެލި ކޮމިޓީން ނިންމާފައިވަނީ ސުޕްރީމް ކޯޓުގެ ކައުންޓަރުން ޑިސްޕެޗްކުރަންނުޖެހޭ ސިއްރު ލިޔުމެއް ފޮނުވަންނުޖެހޭ އިދާރާއަކަށް ފޮނުވާފައިވާ މައްސަލައާ ގުޅިގެން ކަމަށާއި، ފަނޑިޔާރުންގެ މަޖިލީހަށް ހާޒިރުކުރެވުނު މުވައްޒަފެއް ކައިރީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ސެކްޝަންގެ މީހަކަށް ބްލޭމް ވާގޮތަށް ފަނޑިޔާރުން އަރިހުގައި ވާހަކައެއް ނުދެއްކުމަށް އިސްތިއުނާފު ރައްދުވާ ފަރާތް ބުނެފައިވާކަން އެނގެން އޮތްނަމަވެސް، އެއީ އަސްލު ކަން ހިނގާދިޔަގޮތް ތެދުބަހުން ކިޔާދިނުމަށް މުވައްޒަފަކަށް އެންގި އެންގުމެއް ކަމަށް ބުރަވެވޭތީ، އިސްތިއުނާފު ރައްދުވާ ފަރާތާމެދު ކުރެވުނު ތަޙުޤީޤުގައި، މަރްޔަމް ފާޚިރާ ޑިސްޕެޗް ހާދިސާ ހިނގިގޮތުގެ ތަފްސީލު ފަނޑިޔާރުންގެ މަޖިލީހަށް ކިޔާނުދޭކަމަށް ބުނި ބުނުން ފިޔަވާ، އިސްތިއުނާފު ރައްދުވާ ފަރާތުގެ ސެކްޝަނުން އިހުމާލެއް ވީކަން ނުވަތަ ނޫންކަން ތަޙުޤީޤަށް ކިޔާދީފައިނުވާކަން ފާހަގަކުރެވޭކަމަށް ބަޔާންކޮށްފައިވެއެވެ.

31އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަން ސާބިތުވޭތޯ ޓްރައިބިއުނަލުން ބަލާފައިވަނީ ހުށަހެޅުނު ހެކި ޤަރީނާތައް ބޮޑަށް ބުރަވެވޭ މިންގަނޑުން ވަޒަންކޮށެވެ. އެއަށްވުރެ ބަރު މިންގަނޑުން ހެކިވަޒަންކޮށްފައިވާ ކަމަށް ބެލެވެންނެތަތީ ހެކި ވަޒަންކުރުމުގައި ޓްރައިބިއުނަލުން ގޯހެއް ހަދާފައިވާ ކަމުގައި ނުފެނެއެވެ.

32ޓްރައިބިއުނަލުގެ ނިންމުމަށް ބަލާއިރު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ 213 ވަނަ މާއްދާގެ (ހ) ގެ 2 ވަނަ ނަންބަރަށާއި، ވަޒީފާއިން ވަކިކުރި ޗިޓުގައި ރިޢާޔަތްކޮށްފައިވާ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ގަވާއިދު 2011 ގެ މާއްދާތަކުގައިވާ ޢަމަލުތައް، އިސްތިއުނާފު ކުރާ ފަރާތުން ބުނާފަދައިން އިސްތިއުނާފު ރައްދުވާ ފަރާތުން ކޮށްފައިވޭތޯ ޓްރައިބިއުނަލުން ވަޒަންކޮށްފައިވާއިރު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ޙާލަތެއް މިމައްސަލައިގައި އޮތްތޯ ޓްރައިބިއުނަލުން ބަލާފައިވެއެވެ. މައުޟޫއީ ޢަދުލުވެރިކަން ޤާއިކުރެވިފައި ނުވާ ކަމަށް ބަލާފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ފަދަ ޙާލަތެއް މިމައްސަލައިގައި ނެތުމުންނެވެ.

ވަޒީފާއަށް އަލުން އަނބުރާ ރުޖޫޢަކުރުމަށް ކަނޑައަޅާފައިވަނީ ޤާނޫނާ ޚިލާފަށްތޯ ބެލުން

33އިސްތިއުނާފު ކުރާ ފަރާތުން މި ނުކުތާ ބިނާކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު ޤަޟިއްޔާގައި ބަޔާންކުރާ، މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތައް މި މައްސަލައިގައި ވޭތޯ ބަލާފައި ނުވާކަމުގެ މައްޗަށެވެ.

34އެގޮތުން ފާހަގަކުރަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމަށް ބަލާއިރު ވަޒީފާ އިޢާދަ ނުކުރެވޭނެ މިންވަރަށް، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އިތުބާރު ގެއްލިފައިވާ ކަމަށެވެ.

35HN5HN6ވަޒީފާގެ މައްސަލަތަކުގައި ހައްލު ހޯދައި ދިނުމުގައި އަމަލުކުރެވޭ އުޞޫލަށް ބަލާއިރު، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ސާބިތުވާ ޙާލަތުގައި ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ދެވިދާނެ އެންމެ އަސާސީ ޙައްލަކީ އެ މުވައްޒަފަކު ވަކިކުރި އިރު އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމެވެ. ނަމަވެސް އެފަދައިން ޢަމަލުކުރުމުގައި އެ މުވައްޒަފު ވަޒީފާއިން ވަކިކުރެވުނު ޙާލަތަށާއި ވަޒީފާއިން ވަކިކުރުމަށް މެދުވެރިވީ މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ އެކަމުގައި އެ މުވައްޒަފު ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންޖެހޭކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރެއެވެ.

36HN7HN8ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާނު ޤަޟިއްޔާގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތަކާއި ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރުއަޅާ ޙާލަތުތައްކަމަށް ބަޔާންކޮށްފައިވާ ވާއިރު، ވަޒީފާއަށް ރުޖޫޢަކުރުމަށް ހުރަސްއަޅާ ޙާލަތްތަކުގެ ތެރޭގައި ވަޒީފާ އަނބުރާ އިޢާދަނުކުރެވޭ މިންވަރަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން ހިމެނެއެވެ. އަދި ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރުއަޅާ ޙާލަތްތަކުގެ ތެރޭގައި މުވައްޒަފު ކުރި ޣައިރު ސުލޫކީ ޢަމަލަކީ އެފަދަ ފުރަތަމަ ޢަމަލުކަމަށްވެފައި، އެ ހާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ހައްލަކީ އެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ހާލަތްތަކާއި، ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫޢަނުކޮށްފިނަމަ އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުންކަމަށް ދޭހަވާނެ ހާލަތްތައް ހިމެނެއެވެ. އެގޮތުން ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާނީތޯ ނުވަތަ ބަދަލުދޭނީތޯ ކަނޑައަޅުމުގައި އެ މައްސަލައިގައި ހިމެނޭ ޚާއްސަ ޙާލަތުތަކާއި ކަންކަން ޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަޒަންކުރަންވާނެ ކަމަށް ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން މުވައްޒަފުގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ވަޒީފާދޭ ފަރާތުން ބުނާ ބުނުމަކީ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ބުނާ ބުނުމެއްތޯ ބަލަންވާނެކަމަށާއި، ވަޒީފާއިން ވަކިކުރާ މުވައްޒަފަށް އަލުން ވަޒީފާ ދިނުމަށް ވަޒީފާދޭ ފަރާތުން ފަސްޖެހުމަކީ ވަޒީފާ އިއާދަނުކުރުމަށް އޮތް މަޤުބޫލު ސަބަބެއް ނޫންކަމަށް ފާހަގަކޮށްފައިވެއެވެ.

37HN9މިމައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އިތުބާރު ގެއްލިފައިވާކަމަށް ބުނަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމާ ގުޅިގެން ތަހުޤީޤަށް ބަޔާންދީފައިވަނީ އިސްތިއުނާފު ކުރާ ފަރާތުގެ މުވައްޒަފުން ކަމަށްވާތީ، ވަޒީފާ ރުޖޫޢަކޮށްފިނަމަ މުވައްޒަފުންގެ މެދުގައި ހިތްނުތަނަވަސްކަމާއި ބިރުވެރިކަން އޮވެދާނެތީއެވެ. މިއީ ވަޒީފާގެ އިތުބާރު ގެއްލިފައިވާ ކަމަށް ބަލަންޖެހޭ ފަދަ ހަރުދަނާ ސަބަބެއް ކަމަށް ނުފެނެއެވެ. އިސްތިއުނާފު ރައްދުވާ ފަރާތުވެ އިތުބާރު ގެއްލިފައިވާކަމަށް ބުނާބުނުން ފިޔަވައި ހަރުދަނާ ސަބަބެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ މަރުހަލާގައިވެސް އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިނުވެއެވެ.

ނިންމަންފެންނަ ގޮތް

38އެހެންކަމުން ބަޔާންވެދިޔަ ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލެއް ގެންނަންޖެހޭފަދަ ސަބަބެއް ނެތްކަމުގައި ކަނޑައަޅައި މި މައްސަލަ ނިންމަން ފެނެއެވެ.

ފަނޑިޔާރު ޙުސައިން މަޒީދުގެ ރައުޔު

39މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމުގެ ރައުޔު:

40މި މައްސަލައިގައި ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ ގެ ރައުޔަށް ތާއިދުކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

41ޙުކުމް ކުރެވޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅިދާނެއެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެފަދައިން ހުރުމުން، އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކުރި އިސްތިއުނާފީ ނުކުތާތަކަށް ރިޢާޔަތްކޮށް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 58/VTR/2020 މައްސަލައިގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގައި މިޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ފަނޑިޔާރު ޙުސައިން މަޒީދު

ފަނޑިޔާރު މުޙައްމަދު ޝަނީޒް ޢަބްދުﷲ (ރިޔާސަތު)

ފަނޑިޔާރު ޢަބްދުއްރައޫފު އިބްރާހީމް

ފުޓްނޯޓު

  1. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/72 ޤަޟިއްޔާ
  2. ޖޭ.އެސް.ސީގެ ނަންބަރު 195-D/95/2024/24 (27 ޖޫން 2024 ) ސިޓީ
  3. ޑީ.ޖޭ.އޭ ގެ ނަންބަރު 198-L/95/2024/37 (26 ސެޕްޓެންބަރު 2024) ސިޓީ
  4. ދރއ
  5. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 197-A-A1(2)/2020/01 'ވަޒީފާއިން ވަކިކުރިކުރެއްވިކަން އަންގަވާ ލިޔުން'
  6. ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 27 ވަނަ މާއްދާ
  7. މިފަދަ އެއް މައްސަލައަކީ ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޟިއްޔާ
  8. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ
  9. އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ސުޕްރީމް ކޯޓުގެ ސެކެރެޓަރީ ޖެނެރަލް ހުސައިން ފާއިޒު ސޮއިކޮށް ފޮނުވި ސިޓީއާ ގުޅިގެން ކުރެވުނު ތަޙުޤީޤާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ރިޕޯޓަށް ބަލައިގެންކަމަށް އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި ޖަވާބު ފޯމުގައި ބަޔާންކޮށް އެފަރާތުން ފާހަގަކުރި ކަންކަން.
  10. އިސްތިއުނާފު ފޯމުގެ 8.1.2.1 ވަނަ ނުކުތާ
  11. އިސްތިއުނާފު ފޯމުގެ 8.1.2.2 ވަނަ ނުކުތާ
  12. އިސްތިއުނާފުކުރި ފަރާތުގެ ތަހުޤީޤަށް 20 ނޮވެންބަރު 2019 ގައި ސުޕްރީމް ކޯޓުގެ ކޯޓު އޮފިސަރ އަޙްމަދު ޢަބްދުﷲ ދީފައިވާ ބަޔާން
  13. އިސްތިއުނާފުކުރި ފަރާތުގެ ތަހުޤީޤަށް 02 ޑިސެންބަރު 2019 ގައި ސުޕްރީމް ކޯޓުގެ އެޗް.އާރު ސެކްޝަނުގެ އެޑްމިން އޮފިސަރ އަޙްމަދު އަންވަރު ދީފައިވާ ބަޔާން
  14. ޓްރައިބިއުނަލުގެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 15.3
  15. ސްޕްރީމް ކޯޓުގެ އެޗް.އާރު ސެކްޝަނުގެ އެސިސްޓެންޓް ޑިރެކްޓަރ އަޙްމަދު މައުރޫފް 20 ނޮވެންބަރު 2019 ގައި ދިން ބަޔާނުގައި އިސްތިއުނާފު ރައްދުވާ ފަރާތް ކޯޓުގައި ތިބޭ ޖޫނިއަރ މުވައްޒަފުންނަށް ބިރު ދައްކާކަމެއް ޔަޤީންކޮށް ބުނާކަށް ނޭނގޭ ކަމަށާއި ނަމަވެސް އެކަހަލަ ކަމަކާ ގުޅޭ ހާދިސާއެއް ހަދާނުގައި އެބަހުރިކަމަށާއި، ފޮނުވަންނުޖެހޭ އިދާރާއަކަށް ލިޔުމެއް ފޮނުވުނު މައްސަލައަކާ ގުޅިގެން އެފަރާތުން ވާހަކަ ދެއްކި މުވައްޒަފެއް ކަމަށްވާ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަރްޔަމް ފާޚިރާ ބުނެވައިވާ ވާހަކައަކާ ހަވާލާދީ އަޙްމަދު މައުރޫފުގެ ބަޔާނުގައި ބުނެފައިވާ ވާހަކަތައް.
  16. އެޑްމިނިސްޓްރޭޓިވް އޮފިސަރ މަރްޔަމް ފާޚިރާ 20 ނޮވެންބަރު 2019 ގައި ދީފައިވާ ބަޔާނުގައި މަރްޔަމް ފާޚިރާއާ ދިމާލަށް އިސްތިއުނާފު ރައްދުވާ ފަރާތް ވަރަށް ރުޅި އައިސްހުރެ "ޢާތިކާއާއި ޢާތިކާގެ ސެކްޝަންގެ އެއްވެސް މުވައްޒަފަކަށް ބްލޭމް ކުރާކަމުގައިވާނަމަ ޢާތިކާ އެކަމެއް ޓޯލަރޭޓް ނުކުރާނަން، ކުރާ ކަންކަމުގެ ބްލޭމް ނަގަން އަމިއްލައަށް ދަސްކުރާށެވެ." މިފަދައިން ބުނެފައިވާ ކަމަށާއި، އާތިކާ އެހެން ވިދާޅުވެފައިވާތީ، ބިރުގަނެ ވަރަށް ބޮޑަށް ހާސްވެފައި ހުރުމުން ޑިސްޕެޗު ހާދިސާގައި ކަންހިނގާދިޔަގޮތް ފަނޑިޔާރުންގެ މަޖިލީހުގައި ހިއްސާނުކުރާކަމަށް ބުނެ ބަޔާންކޮށްފައިވާ ވާހަކަ.
  17. ޓްރައިބިއުނަލުގެ މައްސަލަ ނިންމުނު ގޮތުގެ ރިޕޯޓުގެ 15.4.1 ވަނަ ނުކުތާ
  18. ޓްރައިބިއުނަލުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގެ 14 އަދި 15 ވަނަ ނުކުތާގެ ނިޔަލަށް ބަޔާންކޮށްފައިވާ ނުކުތާތައް.
  19. ޓްރައިބިއުނަލުގެ މައްސަލަ ނިންމުނު ގޮތުގެ 15.15 ވަނަ ނުކުތާ
  20. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ
  21. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ
  22. ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ނަންބަރު 2018/SC-A/49 ޤަޟިއްޔާ
  23. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ