—
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު:
2014/SC-A/27
ދަޢުވާކުރާ ފަރާތް:
އިސްމާޢީލް މަސްޢޫދު، މ. ތުޅާގިރި، މާލެ (ދރ. އަންގައިދޭ ކާޑު ނަންބަރު
ދަޢުވާލިބޭ ފަރާތް:
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު C-107/2006)
މައްސަލައިގެ ބާވަތް:
ވަޒީފާއިން ވަކިކުރުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
28 މެއި 2014ރަޖިސްޓްރީ ކުރެވުނު ތާރީޚު:
12 ޖޫން 2014ނިމުނު ތާރީޚު:
02 ޖޫން 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއް ސުޢޫދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2013/HC-A/142
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚު:
21 އޭޕްރިލް 2013ނިމުނު ތާރީޚު:
23 ޖަނަވަރީ 2014
ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާޤަޟިއްޔާ ނަންބަރު:
2014/SC-A/30
ދަޢުވާކުރާ ފަރާތް:
ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (ރަޖިސްޓަރީ ނަންބަރު C-107/2006)
ދަޢުވާލިބޭ ފަރާތް:
އިސްމާޢީލް މަސްޢޫދު، މ. ތުޅާގިރި، މާލެ (ދރ. އަންގައިދޭ ކާޑު ނަންބަރު
މައްސަލައިގެ ބާވަތް:
ވަޒީފާއިން ވަކިކުރުން
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
28 މެއި 2014ރަޖިސްޓްރީ ކުރެވުނު ތާރީޚު:
18 ޖޫން 2014ނިމުނު ތާރީޚު:
02 ޖޫން 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއް ސުޢޫދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2013/HC-A/142
ނިންމެވި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ހުށަހެޅުނު ތާރީޚު:
21 އޭޕްރިލް 2013ނިމުނު ތާރީޚު:
23 ޖަނަވަރީ 2014 ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔު: (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދުކުރައްވާފައި)
ތައާރުފް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ގަޒިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ގަޒިއްޔާގެ ނިންމުން އިސްތިއުނާފުކުރުމަށް އިސްމާޢީލް މަސްޢޫދުގެ ފަރާތުން ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުގެ މައްޗަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ. އަދި ހައިކޯޓުގެ ނަންބަރު 2013/HC-A/142 ގަޒިއްޔާގެ ނިންމުންވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/30 ގަޒިއްޔާގެ ގޮތުގައި ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑުގެ ފަރާތުންވެސް އިސްތިއުނާފުކޮށްފައެވެ.
މައްސަލައިގެ ފަސްފަހަތް
ކ. މާލެ، މ. ތުޅާގިރި، އިސްމާޢީލް މަސްޢޫދު (އިސްތިއުނާފުކުރާ ފަރާތް ނުވަތަ މުވައްޒަފު) ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (އިސްތިއުނާފު ރައްދުވާ ފަރާތް ނުވަތަ ވަޒީފާދޭ ފަރާތް) ގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައި.ޓީ) ސެކްޝަނުގެ މެނޭޖަރެއްގެ ވަޒީފާ އަދާކުރަމުން ގެންދަނިކޮށް، 14 ފެބުރުއަރީ 2012 އިން ފެށިގެން 14 ދުވަހުގެ މުއްދަތަށް، އޭނާ ވަޒީފާއަށް ނުކުތުން ވަޒީފާދިން ފަރާތުން ހުއްޓުވާފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތާ ދޭތެރޭގައި ވަޒީފާދޭ ފަރާތުން ކަންތައްތައް ކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމާއި ގާނޫނާއި ގަވާއިދާ ޚިލާފަށްކަމަށް ބުނެ، އެކަމުގެ ސަބަބުން އޭނާއަށް ނަފްސާނީ އަދި މާލީ ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެ އެ ގެއްލުންތަކުގެ ބަދަލުގެ ގޮތުގައި -/50,000ރ. (ފަންސާސް ހާސް ރުފިޔާ) ލިބިގަތުމަށާއި، އޭނާ އަދާކުރަމުން ގެންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަ ކޮށްދިނުމަށް އެދިގެން އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލް (މީގެ ފަހުން "ޓްރައިބިއުނަލް") އަށް 21 ފެބްރުއަރީ 2012 ގައި ޝަކުވާ ހުށަހެޅިއެވެ.
އިސްވެ މި ބަޔާންކުރި މައްސަލަ، އިސްތިއުނާފުކުރާ ފަރާތުން ޓްރައިބިއުނަލަށް ހުށަހަޅާފައި ވަނިކޮށް، 28 ފެބުރުއަރީ 2012 ގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރިއެވެ.
21 ފެބްރުއަރީ 2012 ގައި އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައިގެ ޝަކުވާ ބިނާކޮށްފައި އޮތީ، އޭނާ ވަޒީފާއަށް ނުކުތުން 14 ފެބްރުއަރީ 2012 އިން ފެށިގެން ހުއްޓުވި ހުއްޓުވުމުގެ މައްޗަށް ކަމަށްވީ ނަމަވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެ މައްސަލަ ބަލައި ގޮތެއް ކަނޑައަޅާފައިވަނީ 28 ފެބުރުއަރީ 2012 ގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރި ވަކިކުރުމުގެ މައްޗަށެވެ. މައްސަލަ ފުރަތަމަ ހުށަހެޅުނުއިރު އެ މައްސަލަ ބިނާކޮށްފައިވާ ސީޣާ، މައްސަލަ ނިންމިއިރު ބަދަލުވެފައި އޮތްއޮތުމުގެ މައްޗަށް، ދިވެހިރާއްޖޭގެ ހައިކޯޓުގައި ނުވަތަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވެއެވެ. އެހެން ކަމުން މި ގަޒިއްޔާގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅާފައި މިވަނީ، ހައިކޯޓުން އިއްވާފައިވާ ނިޔާއާ ބެހޭގޮތުން ސވަލައިގައި ދިވެހިރުވެފައި އޮތް އޮތުމުގެ މައްޗަުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކުގެ މައްޗަށެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގައި ނިންމާފައިވަނީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނާ ޚިލާފަށްކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން އަދާކުރަމުން ގެންދިޔަ ވަޒީފާއަށް ރުޖޫއަކުރުމަށާއި، އޭނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއަށް ރުޖޫއަކުރާ ތާރީޚާ ހަމައަށް މުސާރަ އާއި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ އޭނާއަށް ދިނުމަށް ޓްރައިބިއުނަލުން ވަޒީފާދޭ ފަރާތަށް އަމުރުކޮށްފައިވެއެވެ.
ޓްރައިބިއުނަލުން ބެލި މައްސަލަ ނިންމަމުން އެ ޓްރިބިއުނަލުން ބުނެފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ގޮތުންނާއި އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކޮށްފައިވާކަން ސާބިތުވާ މިންވަރަށް ވަޒީފާދޭ ފަރާތުން އެ ޓްރައިބިއުނަލަށް ދަލީލު ހުށަހަޅާފައިނުވާ ކަމަށެވެ.
ވަޒީފާދޭ ފަރާތުން، ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުން ޓްރައިބިއުނަލްގެ ނިންމުން ބާތިލުކޮށްފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން ޓްރައިބިއުނަލްގެ ނިންމުން ބާތިލު ކުރަމުން ބުނެފައިވަނީ، ވަޒީފާދޭ ފަރާތުން އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި އެއްގޮތަށް އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށާއި، ނަމަވެސް، މިފަދަ ހާލަތެއް މެދުވެރިވެގެން މުވައްޒަފަކު ވަޒީފާއިން ވަކިކުރިޔަސް، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ގާއިމުކުރުން ލާޒިމުވެގެންވާ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރަންޖެހޭނެ ކަމަށާއި، އެހެންނަމަވެސް، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނެތް ކަމަށެވެ.
އިތުރަށް މި މައްސަލައިގައި ހައިކޯޓުން ބުނެފައިވަނީ، މުވައްޒަފުގެ އަމަލުތައް ހުރިގޮތުން އޭނާ އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ ވަޒީފާދޭ ފަރާތަށް ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ފެނުނު ހަމަޔަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 އާއި އެއްގޮތްވާ އެކަށީގެންވާ ހަމައެއް (Substantive Fairness) ކަމުގައިވާ މި ހާލަތުގައި، ވަޒީފާއިން ވަކިކުރި ކުރުމުގައި އެކަށީގެންވާ ގޮތެއްގެމަތިން އިޖުރާއީ އަދުލުވެރިކަން (Procedural Fairness) ގާއިމުކުރެވިފައި ނުވިނަމަވެސް، މި މައްސަލައިގައި ހުށަހެޅުނު ކަންކަމަށް ބަލާއިރު މި ހާލަތުގައި އިސްތިއުނާފުކުރާ ފަރާތަށް ވަޒީފާ އަލުންދިނުމަށް ވަޒީފާދޭ ފަރާތަށް ލާޒިމު ނުކުރެވޭނެ ކަމަށާއި، ނޯޓިހެއް ދިނުމަކާނުލާ ވަޒީފާއިން ވަކިކުރެވޭ ހާލަތުގައި، އެ މައްސަލައިގެ މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭނީ ހަމައެކަނި ގެއްލުމުގެ ބަދަލުކަމަށެވެ.
އިސްތިއުނާފު ކުރުމަށް ހުށަހެޅިފައިވާ ނުކުތާތައް
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ގަޒިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ޖުމްލަގޮތެއްގައި ތިރީގައި މިވާ ދެ ނުކުތާއެވެ.
(ހ) މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތު ކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއް ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާގައި ކަނޑައަޅާފައިވާއިރު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނުވަތަ ސަބަބުތަކެއް ހުރެގެންކަން އިސްތިއުނާފު ރައްދުވާ ފަރާތަށް އެކަށީގެންވާ ގޮތެއްގައި ދެއްކިފައި ނުވާކަމަށާއި، އެހެންކަމުން، އެ ސަބަބަށްޓަކައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ ތަތުބީގުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް.
(ށ) މުވައްޒަފުގެ މައްޗަށް ވަޒީފާދޭ ފަރާތުން ތުހުމަތުކޮށްފައިވާ އެއްވެސްކަމެއް މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާދޭ ފަރާތުން ބަލާފައި ނެތުމުން، މި މައްސަލައިގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި ނެތްކަމަށް.
ލާޒިމް އިޖުރާތު
ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގެ މައިގަނޑު އެއް މަގުސަދަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ވަޒީފާދޭ ފަރާތަށް ލިބިފައިވާ އިޚްތިޔާރު އެ ގާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ ތެރެއިން ގައިދުކުރުމެވެ. ވަޒީފާދޭ ފަރާތަށް އެހާތަނަށް ލިބިފައިވާ އިޚްތިޔާރު ގައިދުކޮށް، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.
މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރުކުރުމަށް ވަޒީފާއާބެހޭ ގާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމް އިޖުރާއަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ. މިގޮތުން، ނޯޓިހެއް ދިނުމަކާ ނުލައި، މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރެވޭނެ ހާލަތުތައް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ "ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތްތަކުގައެވެ." އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވި ހާލަތްތަކުގައި ކަމަށެވެ.
ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން.
ޚިޔާނާތެއް ވެފައިވުން.
މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށައަޅާ ޝަކުވާއެއް ނުވަތަ ދައުވާއެއްގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ފުރިހަމަކުރަންޖެހޭ ދެ ޝަރުތު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަތުބީގު ކޮށްފައިވާ ހަމައަކީ އަދުލުވެރިކަމާއެކު ގާނޫނީ ގޮތުން ލާޒިމު އިޖުރާއަތާ އެއްގޮތަށް ތަތުބީގުކުރެވޭ ހަމައެއްކަން ކަށަވަރު ކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ދެ ކަމެއް ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ގަޒިއްޔާތަކުގައި އެކަށައަޅައި، އެ ދެ ކަންތައް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އާންމު ގާނޫނުގެ މައިގަނޑު ދެ އުސޫލުކަމުގައި ގަބޫލުކުރެވި އިސްތިގުރާރު ވެފައިވެއެވެ. އެ ދެ ކަމަކީ؛ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ އަދުލުވެރިކަން (Substantive Fairness) ގާއިމްވުން ލާޒިމުވުމާއި، އިޖުރާއީ އަދުލުވެރިކަން (Procedural Fairness) ގާއިމުކުރުން ލާޒިމުވުމެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކަށީގެންވާ ސަބަބެއް އޮވެގެން، މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭން ޖެހޭނީ، މިބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީއަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ގަޒިއްޔާތަކުގައި އެކަށައަޅައި، އެކަން ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ އާންމު ގާނޫނުގައި އިސްތިގުރާރުވެފައި ވެއެވެ.
މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައިވާނަމަ، އެ މުވައްޒަފަކަށް ބަދަލުދިނުމަށް އަމުރުކުރުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ. އެކަށީގެންވާ ސަބަބެއްނެތި މުވައްޒަފަކު ވަކިކޮށްފައިވާ ކަމަށް ސާބިތުވާ މައްސަލަތަކުގައި ބަދަލު ދިނުމުގެ އަމުރެއް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނެރޭނަމަ، ބަދަލުދޭނޭ މިންވަރު ކަނޑައެޅުމުގައި ރިއާޔަތް ކުރަންޖެހޭނޭ ކަންކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވެއެވެ.
އިސްވެ މި ބަޔާންކުރިހެން، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ބަދަލަކީ އެކަށީގެންވާ ސަބަބެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ހާލަތުގައި ދިނުމަށް ގާނޫނުގައި ކަނޑައަޅާފައިވާ ބަދަލެކެވެ. މައްސަލައެއްގައި މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އެ މައްސަލައިގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައި ނެތްކަމަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ހާލަތުގައި މުވައްޒަފަށް ބަދަލު ދިނުމާމެދު ވަޒީފާއާބެހޭ ޤާނޫނުގައި ވަކިގޮތެއް ކަނޑައަޅާފައި ނެތެވެ.
ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައި ނެތްކަމަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ހާލަތުގައި މީގެ ކުރިން ޓްރައިބިއުނަލުންނާއި ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކުގައި ކަނޑައަޅާފައިވަނީ، އެ މީހަކު ކުރިން ހުރި ވަޒީފާއަށް ރުޖޫއަ ނުކުރެވޭނެ ކަމަށާއި، އެ ހާލަތުގައި ވަކިކުރެވުނު މުވައްޒަފަށް ނަގައިދެވޭނީ ހަމައެކަނި މާލީ ބަދަލެއް ކަމަށެވެ. މިފަދަ ހާލަތެއްގައި ނަގައިދެވިދާނޭ މާލީ ބަދަލުގެ މިންވަރު ކަނޑައަޅާނޭ އުސޫލެއް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން މި ހާލަތު މެދުވެރިވާ އެކިއެކި މައްސަލަތަކުގައި ޓްރައިބިއުނަލުންނާއި ކޯޓުތަކުން ބަދަލު ނަގައިދިނުމުގައި ތަތުބީގުކުރާނޭ ސާފު އުސޫލުތަކެއް ނެތެވެ.
އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ވަޒީފާދޭ ފަރާތުން ތުހުމަތުކުރި ކަންކަން
މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރީ އަންނަނިވި ސަބަބުތަކަށްޓަކައި ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައާއި ދިވެހިރާއްޖޭގެ ހައިކޯޓުގައާއި ސުޕްރީމް ކޯޓުގައި ވަޒީފާދޭ ފަރާތުން ބަޔާންކޮށްފައި ވެއެވެ.
(ހ) ކުންފުނީގެ މެނޭޖްމަންޓުގެ އިސް މީހުންނާއި އިސްތިއުނާފުކުރާ ފަރާތުން ބައެއް ކަންކަމާ ގުޅިގެން ބައްދަލުކުރެވޭ އިރު ދެކެވޭ ވާހަކަތައް އެ ފަރާތްތަކަށް ނޭނގި އަދި ހުއްދަ ނުހޯދައި ސިއްރުން ރެކޯޑުކުރުން.
(ށ) ކުންފުނީގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ގެ ކަންތައް ބަލަން ހުންނަ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން އިސްތިއުނާފުކުރާ ފަރާތަށް ދެވިފައިވާ އިތުބާރުގެ ނާޖާއިޒު ބޭނުން ހިފައިގެން ކުންފުނީގެ މެނޭޖްމަންޓުގެ ބައެއް އިސް ފަރާތްތަކުގެ އީ-މެއިލް އެކައުންޓުތަކަށާއި ކޮމްޕިއުޓަރުތަކަށް ވަދެ އޭގައި ހުންނަ ކުންފުނީގެ ސިއްރު މައުލޫމާތާއި މުވައްޒަފުންގެ ޒާތީ އީ-މެއިލް ކިޔައި އެހެން ފަރާތްތަކަށް ހާމަކުރުން.
(ނ) ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ގުޅައި ރާއްޖެއިން ފުރުވާލާނެ ކަމުގެ އިންޒާރު ދިނުން.
(ރ) ކުންފުނީގެ މައުލޫމާތުގެ ވިއުގައަށް ވަދެ ކުންފުންޏަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުން.
(ބ) ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައެއް މެންބަރުންނާ ބައްދަލުކޮށް އަމިއްލަ މަސްލަހަތަށް ބަލައިގެން ބައެއް ފަރާތްތައް ކުންފުނީގެ ވަޒީފާއަށް ވެއްދުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރުން.
(ޅ) ކުންފުންޏަށް އަލަށް ވެއްދުމަށްޓަކައި އިންޓަރވިއު ކުރެވުނު ކުދިންނާއި އެކަށީގެން ނުވާ ބީދައަކުން އިންޓަރވިއު ބުރުތަކުގައި މުއާމަލާތުކުރުން.
(ކ) ކުންފުންޏާއި ގުޅޭ ގޮތުން ސައްހަ ނޫން މައުލޫމާތު ތަކެއް ސިޔާސީ ބައެއް ފަރާތްތަކާއި ހިއްސާކުރުމާއި، އެ ފަރާތްތައް މެދުވެރިކޮށް މީޑިއާގައި ކުންފުނީގެ ނުރަނގަޅު ވާހަކަދައްކައި ކުންފުނީގެ ވިޔަފާރިއާއި އަބުރު ގެއްލުވާލަން މަސައްކަތް ކޮށްފައިވުން.
(އ) ވަޒީފާއަށް ނުނިކުތުމަށް އެންގުމުން ކުންފުންޏާ ބެހޭގޮތުން ނޭދެވޭ ކެމްޕޭނެއް ފަށައި ތަހުގީގީ އިދާރާތަކަށް ސައްހަނޫން މައުލޫމާތު ދީގެން އޮޅުވާލުމަށް މަސައްކަތް ކުރުން.
(ވ) ކުންފުނީގެ ކޮޕީރައިޓް މެޓީރިއަލް ހުއްދަ ނެތި ސިއްރުން ކުންފުނިން ނެރެ ބޭރު ފަރާތަކަށް ދިނުން.
ސިއްރުން ރެކޯޑުކުރުން
ކުންފުނީގެ މެނޭޖްމަންޓުގެ އިސް މީހުންނާއި ބައެއް ކަންކަމާ ގުޅިގެން ބައްދަލުކުރެވޭ އިރު ދެކެވޭ ވާހަކަތައް އެ ފަރާތްތަކަށް ނޭނގި އަދި ހުއްދަ ނުހޯދައި ސިއްރުން އިސްތިއުނާފުކުރާ ފަރާތުން ރެކޯޑުކުރާ ކަމަށް ވަޒީފާދޭ ފަރާތުން ބުނެފައިވެއެވެ. މައްސަލަ ހުށަހެޅި ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި ކުންފުނީގެ އިސް މުވައްޒަފުންނާ ދެކެވޭ ވާހަކަތައް އެ ފަރާތްތަކަށް ނާންގައި ސިއްރުން ރެކޯޑުކޮށް ހަދާފައިވާކަމަށް އިސްތިއުނާފުކުރާ ފަރާތުން އިއުތިރާފުވެފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ރެކޯޑުކުރިކަމަށް ޓްރައިބިއުނަލްގައި އިއުތިރާފުވުމަށްފަހު ބުނެފައިވަނީ އެ ރެކޯޑިންކުރެވުނީ ރަސްމީގަޑީގައި ނޫންކަމަށާއި އެކަންކުރީ އަމިއްލަ ގަޑީގައި ރެސްޓޯރަންޓެއްގައި ތިބެ ވާހަކަދެއްކި ގަޑީގައި ކަމަށާއި އެ ރެކޯޑިންގ އެއްވެސް ޝަރުއީ މަރުހަލާއަކަށް ހުށަހަޅާފައި ނުވާނެ ކަމަށެވެ. ނަމަވެސް، އެ ރެކޯޑުކުރެވުނު ވާހަކަތަކުގެ މައުޟޫޢަށް ބަލާއިރު ދެކެވިފައިވާ ވާހަކަތަކަކީ އޮފީހުގެ މަސައްކަތާބެހޭ ވާހަކަކަމާއި އެގޮތުން ރެކޯޑުކުރިކުރުމަކީ ކުންފުނީގައި ހިނގާކަމަށް އިސްތިއުނާފުކުރާ ފަރާތުން ދެކޭ ކޮރަޕްޝަންގެ އަމަލުތައް އޭނާ އަމިއްލައަށް ތަހުގީގުކުރުމުގެ ތެރޭގައި ކޮށްފައިވާ ކަމެއްކަން އެނގެއެވެ. (ވަޒީފާއާބެހޭ ޓްރައިބިއުނަލް އަށް މައްސަލަ ހުށަހެޅި ފޯމުގެ 12 ވަނަ ސަފްހާ؛ ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 141 ވަނަ ސަފްހާ)
އިސް ފަރާތްތަކުގެ އީ-މެއިލްތައް ބެލުން
އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އައިޓީގެ ކަންތައް ބަލަން ހުންނަ އިސް މީހެއްގެ ހައިސިއްޔަތުން އިސްތިއުނާފުކުރާ ފަރާތަށް ދެވިފައިވާ އިތުބާރުގެ ނާޖާއިޒު ބޭނުން ހިފައިގެން ކުންފުނީގެ މެނޭޖްމަންޓުގެ ބައެއް އިސް ފަރާތްތަކުގެ އީ-މެއިލް އެކައުންޓު ތަކަށާއި ކޮމްޕިއުޓަރު ތަކަށް ވަދެ އޭގައި ހުންނަ ކުންފުނީގެ ސިއްރު މައުލޫމާތާއި މުވައްޒަފުންގެ ޕަރސަނަލް އީ-މެއިލް ކިޔައި އެހެން ފަރާތްތަކަށް އިސްތިއުނާފުކުރާ ފަރާތުން ހާމަކޮށްފައިވާ ކަމަށެވެ. މި ވާހަކަތަކުގެ ރައްދުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އޭނާ އެކަންކޮށްފައިވަނީ އެއްގޮތަކަށްވެސް ސިއްރުންކުރި ކަމެއްގެ ގޮތުގައި ނޫންކަމަށާއި، އޭނާ އެކަންކުރީ ކުންފުނީގެ އީ-މެއިލް ޕޮލިސީގެ 9 ވަނަ މާއްދާގައި ކުންފުނީގެ އައިޓީ މުވައްޒަފުންނަށް މޮނިޓަރ ކުރެވޭނެ ކަމަށް އޮންނާތީ އެގޮތުން ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އޭނާ އީ-މެއިލްއާއި އެ އީ-މެއިލްގެ އެޓޭޗްމަންޓު ބެލީ ކުންފުނީގެ އައިޓީ މެނޭޖަރުގެ ހައިސިއްޔަތުން ނެޓްވަރކްގެ ތެރެއަށް ވައިރަސްއެއް ވަދެގެން ކަމެއްވެއްޖިއްޔާ އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އޭނާކަމަށްވާތީ ކަމަށެވެ. މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރު ގެ އީ-މެއިލް މޮނިޓަރ ކުރުމުގެ ތެރޭގައި ކުންފުނީގެ މެނޭޖިންގ ޑައިރެކްޓަރ ކުންފުނީގެ ސިގްނޭޗަރ އާއި ކުންފުނީގެ އީ-މެއިލް ބޭނުންކޮށްގެން އަމިއްލަ ކަންކަމުގައި ތަންތަނަށް އީ-މެއިލް ފޮނުވާފައިވާކަން އެނގޭކަމަށެވެ. ނަމަވެސް އިސްތިއުނާފުކުރާ ފަރާތުން ކުންފުނީގެ ބައެއް ވެރިންގެ އީ-މެއިލް ބަލާފައިވަނީ ކުންފުނީގެ އައިޓީ ނެޓްވަރކްގެ ތެރެއަށް ވައިރަސް ވަދެދާނެކަމަށް ޝައްކުވެގެން އާއްމު އުސޫލުން ކުރިކަމެއްގެ ގޮތުގައި ކަމަށް ބުނިނަމަވެސް، އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅި ފޯމުގެ 6 ވަނަ ނަންބަރުގެ 1 ގައި ލިޔެފައިވަނީ އަންނަނިވި ގޮތަށެވެ.
"އަޅުގަނޑުގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ދަށުން ކުރާ މަސައްކަތުގެ ތެރޭގައި ކުންފުނީގެ އިންޓަރނެޓް މޮނިޓަރކުރުމުގެ ތެރޭގައި ފެނިފައިވާ އީ-މެއިލްތަކެއްގެ ސަބަބުން އަޅުގަނޑަށް މި ކުންފުނީގެ ތެރޭގައި ހިންގާ ވަރަށް ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ފެނިފައި އެބަހުއްޓެވެ. ނަމަވެސް މި އީ-މެއިލްތަކާއި އެހެން މުވައްޒަފުންގެ އީ-މެއިލްތައްވެސް އަޅުގަނޑަށް ފެނުމުގެ ސަބަބުން ކުންފުންޏަށް އެއްވެސް ގެއްލުމެއް ލިބި، ނުވަތަ އަޅުގަނޑުގެ ވަޒީފާގެ ހައްދުތަކުގެ ބޭރުން ކަމެއް ކޮށްފައިނުވާނެއެވެ. އެމްޑީއަށް މިކަން މިހާރު މައްސަލައެއްގެ ގޮތުގައި މި ނެގުނީ، އޭނާގެ ކޮރަޕްޝަންގެ އަމަލުތަކާއި، އޭނާ ސްޓާފުންނަށް އޮޅުވާލާ އޮޅުވާލުންތައް އަޅުގަނޑަށް އެނގޭތީކަން އަޅުގަނޑަށް ޔަގީންވެއްޖެއެވެ. އަދި މީގެ އިތުރުން އެޗްއާރު މެނޭޖަރު އާތިފުގެ ކޮމްޕިއުޓަރުން އަޅުގަނޑަށް ފެނިފައިވާ ފައިލަކީ، އޭނާ ގާނޫނީ ގޮތުން ކުށްވެރިވާ އަމަލެއްގެ ހެއްކަކަށްވުމުން، މިކަން ފޮރުވުމަށްޓަކައި އެމްޑީ އަދި އާތިފް އަޅުގަނޑާއި ދޭތެރޭގައި މި އަމަލުތައް ހިންގާކަންވެސް އަޅުގަނޑަށް ކަށަވަރުވެއްޖެއެވެ."
އިސްތިއުނާފުކުރާ ފަރާތުގެ މި ބަޔާނުން އެނގެނީ އިސްތިއުނާފުކުރާ ފަރާތުން ކުންފުނީގެ މުވައްޒަފުންނާއި ވެރިންގެ އީ-މެއިލްއަށް ވަދެ އެ ފަރާތްތަކުގެ މުއާމަލާތުތައް ކިޔަމުން ގެންދިޔަކަމާއި، އޭނާ އެކަން ކޮށްފައިވަނީ، ކުންފުނީގައި އޭނާ އަދާކުރަންޖެހޭ މަސްއޫލިއްޔަތުގެ ދާއިރާގެ ތެރޭގައި ނޫންކަމާއި، އޭނާ އެކަން ކޮށްފައިވަނީ ކުންފުނީގައި ހިނގަމުންދާ ކަމަށް އޭނާއަށް ގަބޫލުކުރެވޭ ކޮރަޕްޝަންގެ އަމަލުތައް އޭނާ އަމިއްލައަށް ތަހުގީގުކުރަމުން ގެންދިޔުމުގެ ތެރޭގައި ކުރިކަމެއްގެ ގޮތުގައި ކަމެވެ.
ކޮޕީރައިޓް މެޓީރިއަލް
ކުންފުނީގެ ކޮޕީރައިޓް މެޓީރިއަލް ހުއްދަ ނެތި ސިއްރުން ކުންފުނިން ނެރެ ބޭރު ފަރާތަކަށް ދީފައިވާކަމަށް ވަޒީފާދޭ ފަރާތުން ކުރާ ތުހުމަތަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އެއީ ކުންފުނީގެ އަންއެކްސެޕްޓަބްލް ޕޮލިސީކަމަށާއި އެ ޕޮލިސީ އޭނާ އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅި ކަމަށާއި، އެ އެއްޗަކީ ހުރިހާ މުވައްޒަފުންނަށް ދެވޭ އަދި ކޮންމެ މުވައްޒަފަކަށްވެސް ގެއަށް ގެންދެވިދާނެ އެއްޗެއް ކަމަށެވެ.
މުވައްޒަފުން ވެއްދުމަށް ނުފޫޒު ފޯރުވުން
ކުންފުނީގެ ބޯޑް އޮފް ޑައިރެކްޓާރސްގެ ބައެއް މެންބަރުންނާއި ބައްދަލުކޮށް އަމިއްލަ މަސްލަހަތަށް ބަލައިގެން ބައެއް ފަރާތްތައް ކުންފުނީގެ ވަޒީފާއަށް ވެއްދުމަށް ނުފޫޒު ފޯރުވުމަށް އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ވަޒީފާދޭ ފަރާތުން ކޮށްފައިވާ ތުހުމަތަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވެއެވެ. ނަމަވެސް ކުންފުނީގައި ހިނގާކަމަށް އިސްތިއުނާފުކުރާ ފަރާތުން ގަބޫލުކުރާ ކޮރަޕްޝަންގެ އަމަލުތަކާބެހޭ ގޮތުން ވާހަކައެއް ދެއްކުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރަކާ ވަޒީފާއިން ވަކިކުރި ފަހުން ބައްދަލުކުރިކަމަށް އިސްތިއުނާފުކުރާ ފަރާތުން 29 ޖުލައި 2012 ގައި ޓްރައިބިއުނަލަށް ދިން ބަޔާނުގައި ބުނެފައިވެއެވެ. (ޞ 7). ހަމައެގޮތަށް ކޮރަޕްޝަންގެ ވާހަކަ ދެއްކުމަށް ކުންފުނީގެ ލޯޔަރާ ބައްދަލުކުރި ވާހަކަވެސް އިސްތިއުނާފުކުރާ ފަރާތުން މި ބަޔާނުގައި ބުނެފައިވެއެވެ.
އެކަށީގެން ނުވާ ބީދައަކުން އިންޓަރވިއު ކުރުން
ކުންފުންޏަށް އަލަށް ވެއްދުމަށްޓަކައި އިންޓަވިއު ކުރެވުނު މީހުންނާ އެކު ބޭއްވުނު އިންޓަރވިއު ސެޝަންތަކުގައި އެކަށީގެންނުވާ ގޮތަކަށް މުއާމަލާތުކޮށްފައިވާ ކަމަށް ވަޒީފާދޭ ފަރާތުން ކޮށްފައިވާ ތުހުމަތަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވެއެވެ. މިކަން ކަށަވަރުކޮށްދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ޓްރައިބިއުނަލަށް ހެކި ހުށަހެޅިކަން އެނގެން ނެތެވެ.
ނޭދެވޭ މައުލޫމާތު ފެތުރުން
ކުންފުންޏާ ގުޅޭގޮތުން ސައްހަ ނޫން މައުލޫމާތުތަކެއް ސިޔާސީ ބައެއް ފަރާތްތަކާއި ހިއްސާކުރުމާއި، އެ ފަރާތްތައް މެދުވެރިކޮށް މީޑިޔާގައި ކުންފުނީގެ ނުރަނގަޅު ވާހަކަދައްކައި ކުންފުނީގެ ވިޔަފާރިއާއި އަބުރު ގެއްލުވާލަން މަސައްކަތް ކޮށްފައިވާކަމަށް ކުރެވިފައިވާ ތުހުމަތަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވެއެވެ. އަދި ވަޒީފާއަށް ނުނިކުތުމަށް ނޯޓިސް ދިނުމުން ކުންފުންޏާބެހޭ ނޭދެވޭ ކެމްޕޭނެއް ފަށައި ތަހުގީގީ އިދާރާތަކަށް ސައްހަނޫން މައުލޫމާތު ދީގެން އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ކުރެވިފައިވާ ތުހުމަތަށްވެސް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވެއެވެ.
އިންޒާރުދިނުން
ވަޒީފާދޭ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް ގުޅައި ރާއްޖޭން ޑީޕޯޓު ކޮށްލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށާއި، ކުންފުނީގެ އައިޓީ ނެޓްވަރކްތަކަށް ވަދެ ކުންފުންޏަށް ގެއްލުންދޭނެކަމުގެ އިންޒާރުވެސް އިސްތިއުނާފުކުރާ ފަރާތުން ދީފައިވާ ކަމަށެވެ. މިކަމަށް އިސްތިއުނާފުކުރާ ފަރާތުން އިންކާރުކޮށްފައިވެއެވެ. ނަމަވެސް އެފަދަ މޭރުމަކުން އިސްތިއުނާފުކުރާ ފަރާތުން ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރާ ރުޅިވެރިކަމާއެކު މުޚާތަބު ކުރިކަން އިސްތިއުނާފުކުރާ ފަރާތުން 17 މޭ 2012 ދުވަހު ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި އިއުތިރާފުވެފައިވާކަން އެނގެއެވެ. މީގެ އިތުރުން އިސްތިއުނާފުކުރާ ފަރާތުން ހައިކޯޓުގެ ނަންބަރު 2013/HC-A/142 ގަޒިއްޔާގެ ޝަރީއަތުގެ މަޖިލީހަށް 4 ޖޫން 2013 ގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ.
"ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް އަޅުގަނޑު ބިރުދައްކައި އިންޒާރު ދީފައި ނުވާނެއެވެ. ނަމަވެސް އަޅުގަނޑު ސަސްޕެންޑްކުރި އެސްއެމްއެސް މެނޭޖިންގ ޑިރެކްޓަރު ފޮނުވުމުން ސުވާލުކުރުމަށް ގުޅީމެވެ. އޭނާއަށް އެއްވެސް ހާލަތެއްގައި ބިރުދައްކާފައި ނުވާނެއެވެ. އެ ފޯނު ކޯލުގައި އޭނާވަނީ ތިމަންނާއަކީ ސްރީލަންކާގެ ނުފޫޒުއޮތް މީހެކޭ މިތަނުގެ އޭސީސީއަކަށް އެއްވެސް ފިޔަވަޅެއް ނޭޅޭނެޔޭ ބުނުމުން މި މައްސަލައިގައި ސްރީލަންކާގައި ނުފޫޒުއޮތް ކަމުގައިވިޔަސް އެއްވެސް މަންފާއެއް ނުކުރާނެ ކަމަށް އަޅުގަނޑު ބުނި ބުނުމެވެ. އަދި ދިވެހިރާއްޖޭގައި ރާޖަޕަކްސާއާއި އޮތް ގުޅުން އޮތްކަމަށް ވިޔަސް ނުފޫޒު ބޭނުން ނުކުރެވޭނެ ކަމަށެވެ . . . އެ މުއާމަލާތުގެ ތެރޭގައި ކުރިންވެސް އަޅުގަނޑު އެ ބޭފުޅުންނަށް ދަންނަވާފައިވާނޭ ފަދައިން ކޮރަޕްޝަންގެ މައްސަލަތައް ބަލަން އޭސީސީއަށް ހުށަހަޅާނެ ކަމުގައި ދަންނަވާފައިވާނެއެވެ."
އިސްތިއުނާފުކުރާ ފަރާތުން ކުންފުނީގެ ވެރިންގެ ކޮރަޕްޝަންގެ ތަހުގީގުކުރުން
މީހުންގެ އީ-މެއިލް އިސްތިއުނާފުކުރާ ފަރާތުން ސިއްރުން ބަލާކަމަށް ކުންފުނިން ކުރި ތުހުމަތާ ގުޅޭގޮތުން އިސްތިއުނާފުކުރާ ފަރާތުން 21 ޑިސެމްބަރ 2012 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމުގެ 1 ވަނަ ނަންބަރުގައި ބުނެފައިވަނީ، އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުގެ ދަށުން ކުރާ މަސައްކަތުގެ ތެރޭގައި ކުންފުނީގެ އިންޓަރނެޓް މޮނިޓަރކުރުމުގެ ތެރޭގައި ފެނިފައިވާ އީ-މެއިލްތަކެއްގެ ސަބަބުން އޭނާއަށް ކުންފުނީގެ ތެރޭގައި ހިނގާ ވަރަށް ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ފެނިފައި އެބަހުރި ކަމަށެވެ. އިތުރަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ އޭނާއަށް މި އީ-މެއިލްތައް ފެނުނު ނަމަވެސް އެކަމުން ކުންފުންޏަށް އެއްވެސް ގެއްލުމެއް ލިބި، ވަޒީފާގެ ހައްދުތަކުގެ ބޭރުން އެ މައުލޫމާތު ބޭނުންކޮށްފައިނުވާނޭ ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން އިތުރަށް ބުނެފައިވަނީ މެނޭޖިންގ ޑިރެކްޓަރަށް މިކަން ބޮޑުވެގެން އެ އުޅެނީ މެނޭޖިންގ ޑިރެކްޓަރު ގެ ކޮރަޕްޝަންގެ އަމަލުތަކާއި، އޭނާ ސްޓާފުންނަށް އޮޅުވާލާ އޮޅުވާލުންތައް އިސްތިއުނާފުކުރާ ފަރާތަށް އެނގޭތީ ކަމަށާއި، އަދި މީގެ އިތުރުން ހިއުމަން ރިސޯސް މެނޭޖަރުގެ ކޮމްޕިއުޓަރުން އިސްތިއުނާފުކުރާ ފަރާތަށް ފެނިފައިވާ ފައިލަކީ އޭނާ ގާނޫނީ ގޮތުން ކުށްވެރިވާ އަމަލެއްގެ ހެއްކަކަށް ވުމުން އެކަން ފޮރުވުމަށްޓަކައި މެނޭޖިންގ ޑިރެކްޓަރު އަދި ހިއުމަން ރިސޯސް މެނޭޖަރ އާތިފް އިސްތިއުނާފުކުރާ ފަރާތާއި ދޭތެރޭގައި ފިޔަވަޅުއަޅަނީ ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތުން 21 ޑިސެމްބަރ 2012 ގައި ވަޒިފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމުގައިވާ މައްސަލައިގެ ތަފްސީލުގެ ގޮތުގައި ކުންފުނީގެ އެތެރޭގައި ކުންފުނީގެ އިސް ވެރިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާކަމަށް ތުހުމަތުކޮށް އޭނާ އެކުލަވާލާފައިވާ 9 ސަފްހާގެ ރިޕޯޓެއް ހިމަނާފައިވެއެވެ. އެ ރިޕޯޓުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ސްރީލަންކާގެ ކުންފުންޏަކާ ގުޅިގެން ކުންފުންޏަށް ސޮފްޓްވެއަރއެއް ގަތުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބުނާ މައްސަލައެއްގެ ތަފްސީލާއި، އެޗްއާރު މެނޭޖަރު އައިޓީ އެޑްމިން ސްޓާފެއް ވެއްދުމުގައި ކޮރަޕްޝަންގެ އަމަލު ހިންގާފައިވާ ކަމަށް ބުނާ މައްސަލައެއްގެ ތަފްސީލާއި، ކުންފުނީގެ ފައިދާއަށް ނުބަލައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ ރައްޓެއްސެއްގެ ކުންފުންޏަކަށް ވިޔަފާރި ދިނުމަށް ހިންގާފައިވާ ކޮރަޕްޝަންއެއް ކަމަށް ބުނާ މައްސަލައެއްގެ ތަފްސީލާއި، ލައިސަންސް ނެތި ކުންފުނީގެ ރިސޯސްތައް ބޭނުންކޮށްގެން އިސް ދެ މުވައްޒަފަކު ޔޫއެސް ޑޮލަރު ގެ ވިޔަފާރި ކުރާކަމަށް ބުނާ މައްސަލައެއްގެ ތަފްސީލާއި ކުންފުނީގެ އިސް މުވައްޒަފަކަށް ޕަސެންޓޭޖެއް ލިބޭގޮތަށް ކުންފުނި ތެރޭގައި ބީއޯކިއު ހަދައި ދިނުމުގެ ޚިދުމަތްދޭން މަސައްކަތްކުރި ކަމަށް ބުނާ މައްސަލައެއްގެ ތަފްސީލާއި، ކުންފުނީގެ އިސް މުވައްޒަފަކު މެނޭޖިންގ ޑިރެކްޓަރުގެ އެހީއާއެކު ގަވާއިދާ ޚިލާފަށް ކުންފުނިން ދޫކުރާ ލޯނެއް ނެގިކަމަށް ބުނާ މައްސަލައެއްގެ ތަފްސީލު ހިމަނާފައިވެއެވެ. އަދި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއަށް ނިކުތުން މަނާކުރުމުން މި ކޮރަޕްޝަންގެ މައްސަލަތައް އިސްތިއުނާފުކުރާ ފަރާތުގެ އަތުގައި ހުރި ހެކިތަކާއެކު އެންޓިކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާފައިވާކަމަށް އޭނާ ޓްރައިބިއުނަލްގައި ބުނެފައިވެއެވެ.
އިސްތިއުނާފުކުރާ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް 4 ޖޫން 2013 ގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާއަކީ ކޮރަޕްޝަން ހިންގާ ކޮންމެ ފަރާތަކާމެދު މޫނެއް ކަނދުރާއެއް ބެލުމެއްނެތި ގާނޫނީ ގޮތުން އޭނާ ކުރަންޖެހޭ ކަމެއް ކުރުމަށް ފަސްނުޖެހޭނެ މުވައްޒަފެއް ކަމަށާއި، އޭނާ ވަޒީފާއިން ވަކިކުރުމުން އިސް މުވައްޒަފުންނަށް އެ މީހުންގެ ކޮރަޕްޝަންގެ އަމަލުތައް ހިންގުމުގައި ދެމިތިބެވޭނެތީ ނުވަތަ ކޮށްފައިވާ ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދިމާވެދާނެ ގާނޫނީ މައްސަލަތަކުން ސަލާމަތްވެވޭނެ ކަމަށް ދެކިގެން އޭނާ ވަޒީފާއިން ވަކިކުރީ ކަމަށް ދެކޭ ކަމަށެވެ. އަދި އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެޗްޑީއެފްސީގައި ހިނގައިގޮސްފައިވާ ކޮރަޕްޝަންގެ އަމަލުތަކެއް އޭސީސީއަށް ހުށަހަޅާނެ ކަމުގައި ދެންނެވުމާ ގުޅިގެން ކަމަށް އޭނާ ދެކޭ ކަމަށްވެސް މި ބަޔާނުގައި އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވެއެވެ.
އަދުލުވެރި ސަބަބެއް އޮތްތޯ ބެލުން
އިސްވެ ބަޔާންކޮށްފައިވާ ފަދައިން، ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ވަޒީފާއާ ބެހޭ ގާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ފަދައިން އަދުލުވެރި ސަބަބެއް އޮވެގެންނެވެ. އަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ދެ ހާލަތެއްގައެވެ. އެއީ:
ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކުރުން.
ޚިޔާނާތެއް ވެފައިވުން.
ކޮންމެކޮންމެ ޣައިރުސުލޫކީ އަމަލަކީ (misconduct)އެ އަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހުއްދަކުރާ ކަމަކަށް ނުވެ ހިނގައިދާނެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފުކުރި އަމަލަކީ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއް (gross misconduct)ކަމަށް ވާނަމައެވެ. އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއްކަމަށް ބެލެވޭނީ، މުވައްޒަފުކުރި އަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަމަލެއް ކަމަށް ވާނަމައެވެ. މުވައްޒަފުގެ ޣައިރުސުލޫކީ އަމަލަކީ (1) ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށް ވާނަމަ، ނުވަތަ (2) އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވާނަމަ، ނުވަތަ (3) އެ ކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއް ކަމަށް ވާނަމަ، އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކަމަށް ބެލެވިދާނެއެވެ.
އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ބާވަތާއި، އެ މުވައްޒަފުގެ މަގާމާއި މަސްއޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ އަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. އެހެންކަމުން ޣައިރުސުލޫކީ އަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.
މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ކުރަމުންގެންދާ ވިޔަފާރީގެ ބާވަތަށް ބަލާއިރު، އެ މުއައްސަސާއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ރެގިއުލޭޓް ކުރަމުންގެންދާ މާލީ އިދާރާއެކެވެ. މިފަދަ މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ސިއްރު ހިފެހެއްޓޭ އަދި މާލީ އަޚްލާޤު ހިފަހައްޓާ ބައެއް ކަމަށްވުން ލާޒިމްވެއެވެ. މާލީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފަކު ހިފަހައްޓަންޖެހޭ އަޚްލާޤާއި ސުލޫކީ މިންގަނޑުން މުވައްޒަފަކު ބޭރުވެއްޖެނަމަ، ދެން އެ މުވައްޒަފަކަށް ނުކުމެވޭ މަގަކީ ރައްކާތެރި މަގެއް ކަމަށް ނުވާނެއެވެ. މާލީ އިދާރާއެއްގެ ވިޔަފާރި ބިނާވެފައި އޮންނާނީ އެ މާލީ އިދާރާއަކާމެދު ކަސްޓަމަރުން ކުރާ އިތުބާރެއްގެ މައްޗަށް ކަމަށްވާއިރު، އެ މުއައްސަސާގެ އީ-މެއިލްތައް ކިޔަންނުޖެހޭ ފަރާތަކުން ކިޔައި، އެ އިދާރާއެއްގެ މައްޗަށް ސާބިތުނުހިފޭ ކަންތައްތަކެއްގެ ތުހުމަތު އަޅުވައި އެ މުއައްސަސާއެއްގެ އަގުވައްޓާލަން މަސައްކަތްކުރުމަކީ އެ މާލީ އިދާރާއެއްގެ ވިޔަފާރި ގެއްލިގެން ހިނގައިދާނޭފަދަ ކަންކަމެވެ. އެހެންކަމުން މިފަދަ އަމަލުތަކަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލި ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ކަންކަމެވެ. މިފަދަ ހާލަތްތަކުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެފަދަ މުވައްޒަފަކު ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ނަމަ ނޯޓިސް ނުދީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.
މި ގަޒިއްޔާގައި ހިމެނޭ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، އިސްތިއުނާފުކުރާ މުވައްޒަފަކީ މާލީ އިދާރާއެއްގެ މުވައްޒަފަކު ހިފަހައްޓަންޖެހޭ ސުލޫކު ރަނގަޅަށް ފަހުމުވާ އަދި އެ މުވައްޒަފެއްގެ ކިބައިން ފެންނަން ނުޖެހޭ ކަންކަމަކީ ކޮބައިކަން ފަހުމުވާ ފަރާތެއްކަމުގައި ވުމުން، ކުންފުނީގެ އިސް ވެރިންގެ އީ-މެއިލް ސިއްރުން ކިޔައި ކުންފުނީގެ އިސް ވެރިންގެ ކޮމްޕިއުޓަރުގައި ހުންނަ މައުލޫމާތު ސިއްރުން ބަލައި ކުންފުނީގެ މުވައްޒަފުންނާއެކު ދެކެވޭ ވާހަކަތައް އެ މީހަކަށް ނޭނގި ސިއްރުން ރެކޯޑުކޮށް، ކުންފުނީގެ ބައެއް މައުލޫމާތު އެކިއެކި ފަރާތްތަކަށް ހާމަކޮށް، އަދި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރަށް އިންޒާރުދީ މުއާމަލާތް ކޮށްފައި އޮތް އޮތުމަކީ، އެ މުވައްޒަފުގެ ވަޒީފާގެ މަސްއޫލިއްޔަތު އެ ތަނުގައި ތެދުވެރިކަމާއެކު އަދާކުރަމުން ގެންދިއުމާ ތައާރުޒުވާކަމެއް ކަމުގައި ވާތީވެ، ނޯޓިސް ދިނުމެއްނެތި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތުން ނިންމި ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމަށް ގަބޫލުކުރެވެއެވެ.
އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެ ކުންފުނީގައި ހިނގައިގޮސްފައިވާ ކޮރަޕްޝަންގެ އަމަލުތަކެއް އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހަޅާނެ ކަމުގައި ބުނުމާ ގުޅިގެން ކަމަށް އޭނާ ބުނާ ބުނުމަށް ބަލާއިރު، މުވައްޒަފަކު ކުންފުނީގައި ހިނގާ ނޭދެވޭ ނުވަތަ ގާނޫނާ ޚިލާފުކަމެއް، އެކަމެއް ރިޕޯޓުކުރަން ހަމަޖެހިފައި އޮންނަ އުސޫލުން ރިޕޯޓުކުރުމަކީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނޭ އަދުލުވެރި ސަބަބެއް ނޫނެވެ. ނަމަވެސް، މި މައްސަލައިގައި ސާބިތުވާންހުރި ވާގިއާތަކަށް ބަލާއިރު، މުވައްޒަފުންގެ އީ-މެއިލް ސިއްރުން ކިޔައި، މުވައްޒަފުންގެ ކޮމްޕިއުޓަރުގައި ހުންނަ މައުލޫމާތު ސިއްރުން ކިޔައި، މުވައްޒަފުންނާއެކު ދެކެވޭ ވާހަކަތައް އެ މުވައްޒަފުންނަށް ނޭނގި ރެކޯޑުކޮށް، މުވައްޒަފުންނަށް އިންޒާރުދީހެދުމަކީ، މުވައްޒަފަކު ކުންފުނީގައި ހިނގާ ނޭދެވޭ ނުވަތަ ގާނޫނާ ޚިލާފަށް ހިނގާކަމެއް އެކަމެއް ރިޕޯޓުކުރަން ހަމަޖެހިފައި އޮންނަ އުސޫލުން ރިޕޯޓުކުރުމުން އެ މުވައްޒަފަކަށް ލިބޭ ހިމާޔަތުގެ ދާއިރާއަށް ފެތޭ ކަންކަމެއް ނޫނެވެ. އަދި އެ ކަންކަމަކީ އިސްތިއުނާފުކުރާ ފަރާތުގެ ވަޒީފާގެ މަސްއޫލިއްޔަތާ ތައާރުޒުވާ ކަންކަމެވެ.
އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ބެލުން
އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ގަޒިއްޔާގެ ހުކުމުގައި ދިވެހިރާއްޖޭގައި ހައިކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުން އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކުރުމުގައި އިސްތިއުނާފުކުރާ ފަރާތުގެ ސުލޫކު ހުރިގޮތުން، އޭނާ އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ ވަޒީފާދޭ ފަރާތަށް ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ފެނުނު ހަމަޔަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ 1 އާއި އެއްގޮތްވާ އެކަށީގެންވާ ހަމައެއް ކަމުގައި ވީނަމަވެސް، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ވަޒީފާދޭ ފަރާތުން ތުހުމަތުކުރި ކަންތައްތަކާމެދު އިސްތިއުނާފުކުރާ ފަރާތުގެ ބަހެއް ނުހޯދައި، އިސްތިއުނާފުކުރާ ފަރާތުގެ ދިފާއުގައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީކަން ސާބިތުވާން އޮތުމުން، ވަޒީފާދޭ ފަރާތުން މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނެތް ކަމަށެވެ.
އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ވަޒީފާދޭ ފަރާތުން ތުހުމަތުކުރި ކަންތައްތަކާމެދު އިސްތިއުނާފުކުރާ ފަރާތުގެ ބަހެއް ނުހޯދައި، މުވައްޒަފުގެ ދިފާއުގައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދީކަމަށް، ސުޕްރީމް ކޯޓުގައި ބެލުނު މި ގަޒިއްޔާގެ އަޑުއެހެމުގައިވެސް އިސްތިއުނާފު ރައްދުވާ ފަރާތުން އިއުތިރާފުވެފައިވެއެވެ.
ހައްލުތައް
އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ގަޒިއްޔާގެ ހުކުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައަޅާފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ އަމަލުތައް ހުރިގޮތުން އޭނާ އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ ވަޒީފާދޭ ފަރާތަށް ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ފެނުނު ހަމަޔަކީ، އެކަށީގެންވާ ހަމައެއް (Substantive Fairness) ކަމުގައި ވާތީވެ، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރި ކުރުމުގައި އެކަށީގެންވާ ގޮތެއްގެ މަތިން އިޖުރާއީ އަދުލުވެރިކަން (Procedural Fairness) ގާއިމުކޮށްފައި ނުވިނަމަވެސް، މި މައްސަލައިގައި ހުށަހެޅުނު ކަންކަމަށް ބަލާއިރު، މި ހާލަތުގައި އިސްތިއުނާފުކުރާ ފަރާތަށް ވަޒީފާ އަލުންދިނުމަށް ވަޒީފާދޭ ފަރާތަށް މަޖުބޫރު ނުކުރެވޭނެ ކަމަށެވެ. އަދި، އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމެއް ނެތި ކަމުގައި ވާތީވެ، އެ ޚިލާފުވުމާ ގުޅިގެން އިސްތިއުނާފުކުރާ ފަރާތަށް ނަގައިދެވޭނީ ހަމައެކަނި ޓްރައިބިއުނަލުން ކަނޑައަޅާ އަދަދަދެއްގެ ބަދަލުކަމަށެވެ.
މަތީގައި އަހުރެން ފާހަގަކުރި ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ގަޒިއްޔާގެ ހުކުމުގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއަށް ރުޖޫއަ ނުކުރެވޭނެ ކަމަށާއި މި ހާލަތުގައި އިސްތިއުނާފުކުރާ ފަރާތަށް ނަގައިދެވޭނީ ހަމައެކަނި ބަދަލެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅި ކަނޑައެޅުމަށް ތާއީދުކުރެވެއެވެ.
ބަދަލުގެ މިންވަރު ކަނޑައެޅުން
ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައި ނެތްކަމަށް ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ހާލަތުގައި މީގެ ކުރިންވެސް ޓްރައިބިއުނަލުންނާއި ކޯޓުތަކުން ނިންމާފައިވާ މައްސަލަތަކުގައި ކަނޑައަޅާފައިވަނީ، އެ މީހަކު ކުރިން ހުރި ވަޒީފާއަށް ރުޖޫއަ ނުކުރެވޭނެ ކަމަށާއި، އެ ހާލަތުގައި ވަކިކުރެވުނު މުވައްޒަފަށް ނަގައިދެވޭނީ ހަމައެކަނި ބަދަލެއް ކަމަށެވެ. މިފަދަ ހާލަތެއްގައި ނަގައިދެވިދާނޭ ބަދަލުގެ މިންވަރު ކަނޑައަޅާނޭ އުސޫލެއް ވަޒީފާއާބެހޭ ގާނޫނުގައި ބަޔާންކޮށްފައި ނެތުމުން މި ހާލަތު މެދުވެރިވާ އެކިއެކި މައްސަލަތަކުގައި ޓްރައިބިއުނަލުންނާއި ކޯޓުތަކުން ބަދަލު ނަގައިދިނުމުގައި އަމަލުކުރާ އެއްގޮތް އުސޫލުތަކެއް ނެތެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ގަޒިއްޔާގައި ހައިކޯޓުން ބުނެފައިވަނީ، މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލު ވާންވާނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށް ރިއާޔަތް ކޮށް، ނަގައިދެވޭ އަދުލުވެރި ބަދަލެއް ކަމަށެވެ. އަދި އެ ބަދަލުގެ މިންވަރު ކަނޑައަޅަންވާނީ ޓްރައިބިއުނަލުން ކަމަށެވެ.
މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާ ހާލަތުގައި ނަގައިދެވޭ ބަދަލު ނަގައި ދިނުމުގައި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމުގެ މަގްސަދު ގެއްލިގެން ނުދާނޭކަން ކަށަވަރު ކުރެވޭނެ ގޮތަކަށް ގެއްލުމުގެ ބަދަލުގެ މިންވަރު ކަނޑައެޅުމަށް ޓްރައިބިއުނަލުން ސަމާލުކަން ދޭންވާނެއެވެ.
މައުޟޫޢީ އަދުލުވެރިކަން ގާއިމުނުވާގޮތަށް މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ލާޒިމު އިޖުރާއަތު ތަކުރާރުކޮށް މަތިމައްޗަށް ފުރިހަމަކޮށްފައި އޮތް ނަމަވެސް، އެ މުވައްޒަފަކު ވަކިކުރި ވަކިކުރުމަކީ އަދުލުވެރި ސަބަބެއް އޮވެގެން ވަކިކުރި ވަކިކުރުމެއް ކަމަށް ނުވާނެއެވެ. އެއާ ޚިލާފަށް، ލާޒިމް އިޖުރާއަތު ފުރިހަމަކޮށްފައި ނުވާނަމަ، އެކަން އިޖުރާއީ ގޮތުން ހައްލުކުރެވިދާނެއެވެ. މި ސަބަބަށްޓަކައި، ވަޒީފާދޭ ފަރާތުން މައުޟޫޢީ އަދުލުވެރިކަން ގާއިމުކުރުމާ ޚިލާފުވުމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމާ ޚިލާފުވުމުގައި އުސޫލީގޮތުން ތަފާތުތަކެއް ހުރީތީވެ، މި ދެ ޚިލާފާ ގުޅިގެން މުވައްޒަފަށް ލިބޭނެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ތަފާތު މިންގަނޑެއް ގެންގުޅުމަކީ ރަނގަޅުގޮތެކެވެ. މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލުގެ އަދަދު، މައްސަލަތަކުގައި މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި ނުވާ ހާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ އަދަދަށްވުރެ ކުޑަވާންޖެހޭނެއެވެ.
ރައްދު އިސްތިއުނާފު
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ގަޒިއްޔާގެ ހުކުމުގައި އިސްތިއުނާފުކުރާ ފަރާތަށް ޓްރައިބިއުނަލުން ގެއްލުމުގެ ބަދަލު ނަގައިދޭން ޖެހޭނެކަމަށް ކަނޑައަޅާފައިވާ ނުކުތާ އިސްތިއުނާފުކުރުމަށް، މި ކޯޓުގެ ނަންބަރު 2014/SC-A/30 ގަޒިއްޔާއިން، އިސްތިއުނާފު ރައްދުވާ ފަރާތުން މި ކޯޓަށް ހުށަހަޅާފައިވެއެވެ.
ޖުމްލަގޮތެއްގައި މި ކޯޓުގެ ނަންބަރު 2014/SC-A/30 ގަޒިއްޔާގައި ކުރެވިފައިވާ ރައްދު އިސްތިއުނާފުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް މެދުވެރިކުރުވި ޣައިރުސުލޫކީ އަމަލުތަކަކީ އެ ފަރާތުން ގަސްތުގައި ކޮށްފައިވާ ޚުތޫރަތްތެރި އަމަލުތަކެއް ކަމަށް ވާތީ، އެ ފަރާތުން އަދާލަތުގެ ކުރިމައްޗަށް އައިސް އެހުރީ ސާފުއަތަކާއިގެން ނޫން ކަމަށާއި، އެ ސަބަބަށްޓަކައި އެ ފަރާތަށް އެއްވެސް މިންވަރެއްގެ ބަދަލެއް ނަގައިދިނުމަކީ އަދާލަތުގެ އުސޫލުތަކާ ތައާރުޒުވާނޭ ކަމެއް ކަމަށެވެ.
މުވައްޒަފެއްގެ އަމަލުތައް ހުރީ ކޮންމެ ސިފައެއްގައި ކަމަށް ވަޒީފާދޭ ފަރާތަށް ފެނުނު ނަމަވެސް، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާދޭ ފަރާތުން ފުރިހަމަކުރުމަށް ގާނޫނީ ގޮތުން ލާޒިމްކުރާ އިޖުރާއަތު ފުރިހަމަ ނުކުރުމަކީ ވަޒީފާދޭ ފަރާތަށް އެކަން ނުކޮށް ދޫކޮށްލުމުގެ ނުވަތަ އެކަމަށް އިންކާރުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫނެވެ. އެހެންކަމުން، ވަޒީފާދޭ ފަރާތުން ފުރިހަމަކުރުމަށް ގާނޫނުން ލާޒިމްކުރާ އިޖުރާއަތު ފުރިހަމަކޮށްފައި ނުވާނަމަ އެ ޚިލާފުވުމަށް ބަދަލު ނަގައިދިނުން ލާޒިމުވެއެވެ. ނަމަވެސް މަތީގައި ބަޔާންކުރި ފަދައިން އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލުގެ އަދަދު، މައްސަލަތަކުގައި މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި ނުވާ ހާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ އަދަދަށްވުރެ ކުޑަވާންޖެހޭނެއެވެ. އަދި މި ބަދަލަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމުކުރާ އިޖުރާއީ އިންސާފު ގާއިމުކޮށްފައި ނުވާތީވެ ހަމައެކަނި އަދަބެއްގެ ސިފައިގައި ރަމްޒީގޮތުން ނަގައިދެވޭ ބަދަލެކެވެ.
މަތީގައި ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2013/HC-A/142 ގަޒިއްޔާގެ ހުކުމުގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއަށް ރުޖޫއަ ނުކުރެވޭނެ ކަމަށާއި މި ހާލަތުގައި އިސްތިއުނާފުކުރާ ފަރާތަށް ނަގައިދެވޭނީ ހަމައެކަނި ގެއްލުމުގެ ބަދަލުކަމަށް ކަނޑައެޅި ކަނޑައެޅުމަށް ތާއީދުކުރަމެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު:
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަހާޒް ޢަލީ ޒާހިރުގެ ރައުޔު:
ފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެންހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/142 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލުގެންނަން ޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.
މި ޤަޟިއްޔާ ބަލާ ޙުކުމް ކުރީ: ޢާއިޝާ ޝުޖޫން މުޙައްމަދު ޙުސްނުއް ސުޢޫދު މަޙާޒު ޢަލީ ޒާހިރު
(ފަނޑިޔާރު) (ފަނޑިޔާރު) (ފަނޑިޔާރު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.