ދުސިތު މޯލްޑިވްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޒާހިރު
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2022/HC-A/61
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ކޮވިޑް-19 ގެ ދުވަސްވަރު މުސާރަ ނުލިބޭ ޗުއްޓީގައި ހުރި މުވައްޒަފަކު ޕީސީއާރު ޓެސްޓު ހެދުމުގެ ދަތިތަކާހުރެ ވަޒީފާއަށް ނުނިކުތުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ނުދީ ވަކިކުރެވޭނެ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްތޯ، އަދި ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ؛ އަދި ހައިކޯޓުގައި އިސްތިއުނާފު ނުކުރި ބަދަލާބެހޭ ނުކުތާ ސުޕްރީމް ކޯޓުން ބެލޭނެތޯ.
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް؛ ޝަރީޢަތުގެ ޚަރަދު ނަގައިނުދެވޭ
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ނޯޓިސް ނުދީ މުވައްޒަފަކު ވަކިކުރެވޭނީ ޢަދުލުވެރި ސަބަބެއް އޮވެގެންނެވެ، އެއީ ޣައިރު ސުލޫކީ ޢަމަލެއް ނުވަތަ ޚިޔާނާތެއް ކޮށްފައިވާ ޙާލަތެވެ؛ އަދި އެ ޢަމަލަކީ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމުގައި ވާންވާނެއެވެ.
HN2 ޣައިރު ސުލޫކީ ޢަމަލެއް ނޯޓިސް ނުދީ ވަކިކުރެވޭ ފާޅުކަން ބޮޑު ޢަމަލެއް ކަމުގައި ބެލެވޭނީ (ހ) ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުޠަކާ ޚިލާފުވާނަމަ، (ށ) ދެފަރާތުގެ ދެމެދުގެ އިތުބާރާއި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްނަމަ، ނުވަތަ (ނ) މުވައްޒަފުގެ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީ ނުވަތަ ސީދާ ގޮތުން ޚިލާފުވާނަމައެވެ؛ ޢަމަލުގެ ސީރިއަސްކަން ވިޔަފާރީގެ ބާވަތާއި މުވައްޒަފުގެ މަޤާމާއި އަމާނާތްތެރިކަމުގެ ޒިންމާއަށް ބަލައި ތަފާތުވެދާނެއެވެ (އިސްމާޢީލް މަސްޢޫދު ވ. އެޗް.ޑީ.އެފް.ސީ؛ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ވ. ޖާބިރު ޢަބްދުއްރަޙްމާން؛ ބޭންކް އޮފް މޯލްޑިވްސް ވ. ފާޠިމަތު މަލީޙާ ޖަމާލް).
HN3 23 ވަނަ މާއްދާގެ (ށ) ގެ (1) ގެ ދަށުން ވަކިކުރުމަށް ބިނާކުރި ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭންޖެހޭނީ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުންނެވެ (ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން)؛ އެކަށީގެންވާ ސަބަބެއް އޮވެގެން ވަކިކުރިކަން ސާބިތުކުރުމުގެ ބުރަ އޮންނަނީ ވަޒީފާދޭ ފަރާތުގެ މައްޗަށް ކަމުން، ލާޒިމު އިޖުރާއާތު ފުރިހަމަކޮށް މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރިތޯ ބަލަންވާނެއެވެ.
HN4 މުވައްޒަފުގެ އަމިއްލަ އިޚްތިޔާރުން ބޭރުގައިވާ ސަބަބުތަކާހުރެ (މިސާލު: ކޮވިޑް-19 ގެ ޚާއްޞަ އުޞޫލުތަކުގެ ދަށުން ލާޒިމު ޕީސީއާރު ޓެސްޓު ނުހެދުން، ދަތުރު ގައިދުކުރުން) ވަޒީފާއަށް ހާޟިރުނުވުމަކީ ގަސްތުގައި ވަޒީފާއަށް ނުނިކުތުމެއް ނޫނެވެ؛ ކޮންމެ ސަބަބަކާހުރެ ވަޒީފާއަށް ހާޟިރުނުވެ ހުރުމަކީ އެކަމުގެ ޒާތަށް ބަލައި ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް ކަމަށް ސާބިތުކޮށް 23 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭ ސަބަބެއްކަން ކަށަވަރުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.
HN5 މައްސަލައެއް ތިން މަރުޙަލާއެއްގައި ބެލުމުގެ މާނައަކީ ކޮންމެ މަރުޙަލާއެއްގައި ދަޢުވާ ތަކުރާރުކުރުމެއް ނޫނެވެ؛ ސުޕްރީމް ކޯޓުގެ މަރުޙަލާއަކީ ފުރަތަމަ މަރުޙަލާގެ މުޅި ދަޢުވާ އަލުން ބަލާ، ނުވަތަ ވާޤިޢާތަކާއި ހެކި ވަޒަންކުރި ގޮތާއި ޤާނޫނު ތަޠުބީޤުކުރި ގޮތުގެ އެންމެހައި ކަންކަން އަލުން ބަލާ މަރުޙަލާއެއް ނޫނެވެ.
HN6 ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުން ލާޒިމެވެ؛ ނޯޓިސް ނުދީ ވަކިކުރާ ޙާލަތުގައިވެސް ތުހުމަތުތަކަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދޭންޖެހޭނެއެވެ (މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން)؛ ފުރުޞަތު ދެވޭ މިންވަރު ކަނޑައެޅެނީ ޙާލަތާއި ވަގުތާއި ތުހުމަތުގެ ޠަބީޢަތަށް ބަލައި ކަމަށާއި، ލިޔުމުން ފުރުޞަތު ނުދެވުނު ނަމަވެސް ތުހުމަތު ސާފުކޮށް ސުވާލުކުރެވިދާނެއެވެ.
HN7 ސުޕްރީމް ކޯޓުން މައްސަލަތައް ބަލަނީ ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅި ކަންކަމުގެ މައްޗަށެވެ؛ ހައިކޯޓުން ގޮތެއް ނިންމާފައިނުވާ ކަމެއްގައި ސުޕްރީމް ކޯޓުން ގޮތެއް ނުނިންމާނެއެވެ؛ ދަށު މަރުޙަލާގައި ނުދައްކާ ނުކުތާއެއް ނުވަތަ ނުހުށަހަޅާ ހެއްކެއް މަތީ އިސްތިއުނާފީ މަރުޙަލާއަށް ހުށަނޭޅޭނެއެވެ (ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު)؛ އެހެންކަމުން ހައިކޯޓުގައި އިސްތިއުނާފު ނުކުރި ބަދަލާބެހޭ ނިންމުމަކީ ނިހާއީ ނިންމުމެކެވެ.
HN8 މަދަނީ އިޖުރާއާތު ޤާނޫނުގެ 272 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރުގެ ދަށުން ޝަރީޢަތުގެ ޚަރަދު ނަގައިދެނީ މައްސަލައިގެ ޠަބީޢަތާއި ކަންހިނގާފައިވާ ގޮތާއި ވަށައިގެންވާ ކަންކަމަށް ބަލައެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޑރ. މުޙައްމަދު އިބްރާހީމް، ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢަބްދުﷲ ޙަމީދު، މުޙައްމަދު ސަލީމް
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު
ސަލީމް ތާއީދު ކުރައްވާފައި).....1 ތަޢާރަފް.....1 ކަން ހިނގާފައިވާ ގޮތުގެ ޚުލާޞާ.....1 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން.....4 ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން.....5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު.....7 ވަޒީފާއިން ވަކިކުރެވުނު ސަބަބު .....9 ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން .....9 ލާޒިމު އިޖުރާއާތުތައް ހިންގިކަން ކަށަވަރުކުރުން.....11
(ހ) މައުޟޫޢީ ޢަދުލުވެރިކަން.....12
(ށ) އިޖުރާއީ ޢަދުލުވެރިކަން.....15 ބަދަލު.....16 ނަތީޖާ.....18 ޚަރަދު.....18
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު .....18
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު .....18
ޙުކުމް .....18 بِسْدَارَةِ الرَّجْيَمِ ދުސިތު މޯލްޑިވްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް ވ. އިބްރާހީމް ޒާހިރު [2026] SC 19
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢަބްދުﷲ ޙަމީދު އަދި ފަނޑިޔާރު މުޙައްމަދު
ސަލީމް ތާއީދު ކުރައްވާފައި) ތަޢާރަފް
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/61 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދުސިތު މޯލްޑިވްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ދުސިތު މޯލްޑިވްސް" ނުވަތަ "އިސްތިއުނާފު ކުރާ ފަރާތް" މިހެން އިޝާރާތްކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2025/SC-A/20 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ސ. ފޭދޫ، ގަހާ، އިބްރާހީމް ޒާހިރު ގެ މައްޗަށެވެ.
ކަން ހިނގާފައިވާ ގޮތުގެ ޚުލާޞާ
2އިބްރާހީމް ޒާހިރު އަކީ 03 އޮކްޓޫބަރު 2017 އިން ފެށިގެން ދުސިތު މޯލްޑިވްސް އިން ހިންގާ ދުސިތް ތާނީ މޯލްޑިވްސް ރިސޯޓުގައި ވެއިޓަރެއްގެ މަގާމުގައި ވަޒީފާ އަދާކުރަމުންދިޔަ ފަރާތެކެވެ. އެ ފަރާތަށް މުސާރައިގެ ގޮތުގައި ލިބެމުންދިޔައީ މަހަކު USD 304 (ތިންސަތޭކަ ހަތަރު އެމެރިކާ ޑޮލަރު) އެވެ.
3ކޮވިޑް-19 ގެ ސަބަބުން ދިވެހި ސަރުކާރުން 27 މާރިޗު 2020 އިން ފެށިގެން ދިވެހިރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް އޮން-އެރައިވަލް ވިސާ ދޫކުރުން ހުއްޓާލަން ނިންމުމާ ގުޅިގެން 6 އެޕްރީލް 2020 ގައި ރިސޯޓު ބަންދުކޮށް މުވައްޒަފުން ރިޑަންޑަންޓް ނުކޮށް ކުރިއަށް ގެންދިއުމަށްޓަކައި، މުވައްޒަފުންގެ މުސާރަ ވަނީ ދަށްކޮށްފައެވެ.
4އެގޮތުން އިބްރާހީމް ޒާހިރުއަށް 1 ޖުލައި 2020 އިން ފެށިގެން މުސާރައިގެ ގޮތުގައި ލިބޭނީ 220 USD (ދުއިސައްތަވިހި އެމެރިކާ ޑޮލަރު) ކަމަށް 15 ޖޫން 2020 ގައި ދުސިތު މޯލްޑިވްސް އިން އޭނާއަށް އަންގާފައިވެއެވެ.
5އިސްތިއުނާފު ކުރާ ފަރާތުގެ މާލީ ހާލަތު ރަނގަޅުވެފައި ނުވާތީ، އިސްތިއުނާފު ކުރާ ފަރާތުން ބައެއް މުވައްޒަފުން މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމަށް ނިންމައި، އިބްރާހީމް ޒާހިރު 12 އޮކްޓޫބަރު 2020 އިން ފެށިގެން 2020 ޑިސެންބަރު 31 ގެ ނިޔަލަށް ހުންނާނީ މުސާރަ ނުލިބޭ ޗުއްޓީގައި ކަމަށް އެންގިއެވެ. އަދި އެއަށްފަހު އިބްރާހީމް ޒާހިރުގެ މުސާރަ ނުލިބޭ ޗުއްޓީ 31 މާރިޗު 2021 ގެ ނިޔަލަށް އިތުރުކޮށްފައިވާކަން ދުސިތު މޯލްޑިވްސް އިން އިބްރާހީމް ޒާހިރުއަށް 30 ނޮވެންބަރު 2020 ގައި އެންގިއެވެ.
6އިބްރާހީމް ޒާހިރު މުސާރަ ނުލިބޭ ޗުއްޓީގައި ހުރެ ކްރޮސްރޯޑްސް މޯލްޑިވްސް ރިސޯޓުގައި މަސައްކަތްކުރަމުން ދިޔަކަން އިސްތިއުނާފު ކުރާ ފަރާތަށް 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު އަންގާފައިވާ ކަމަށާއި، އަދި އިސްތިއުނާފު ކުރާ ފަރާތުގެ ރިސޯޓުގައި ވަޒީފާ އަދާކުރުމަށް އެނބުރި ދާން ބޭނުންވާ ކަމަށް ޝައުގުވެރިވާކަން ފާޅުކޮށްފައިވާ ކަމަށާއި އިސްތިއުނާފު ކުރާ ފަރާތުންވެސް އިބްރާހީމް ޒާހިރު ވަޒީފާއަށް އަނބުރާ ގެނައުމަށް ބޭނުންވާކަން ފާހަގަކޮށް 28 ޖަނަވަރީ 2021 ގައި އިބްރާހީމް ޒާހިރުއަށް އީމެއިލެއް ފޮނުވިއެވެ. މި އީމެއިލްގައި ޕީސީއާރު ޓެސްޓު ހެދުމަށްފަހު 31 ޖަނަވަރީ 2021 ގެ ކުރިން ރިސޯޓަށް އައުމަށް އަންގާފައިވެއެވެ.
7އިބްރާހީމް ޒާހިރުގެ ފަރާތުން 28 ޖަނަވަރީ 2021 ގެ އީމެއިލްއަށް ޖަވާބެއް ފޮނުވާފައިނުވާތީ، އިސްތިއުނާފު ކުރާ ފަރާތުން 29 ޖަނަވަރީ 2021 ގައި ދެވަނަ އީމެއިލްއެއް ފޮނުވިއެވެ. މި އީމެއިލްގައި އިބްރާހީމް ޒާހިރު ވަޒީފާއަށް އަނބުރާ ނާންނަކަމުގައި ވަނީނަމަ، އެއީ ޤަސްތުގައި ވަޒީފާއަށް ހާޒިރުނުވަނީ ކަމުގައި ކަނޑައެޅޭނެ ކަމަށާއި 01 ފެބުރުވަރީ 2021 އާ ހަމައަށް ވަޒީފާއަށް ހާޒިރުނުވެއްޖެނަމަ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އަންގާފައި ވެއެވެ.
8އިބްރާހީމް ޒާހިރުއަށް ޕީސީއާރު ޓެސްޓު ހެދުމަށް ނުކުޅެދިފައިވާ ކަމަށާއި އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ އޭނާ 02 ފެބުރުވަރީ 2021 ގައި އީމެއިލް ކުރުމުން އިސްތިއުނާފު ކުރާ ފަރާތުން އިބްރާހީމް ޒާހިރުއަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ވަޒީފާއަށް އަނބުރާ އައުމަށް އިތުރު 03 (ތިނެއް) ދުވަހުގެ މުއްދަތެއް 03 ފެބުރުވަރީ 2021 ގައި ދިނެވެ. މި މުއްދަތު ހަމަވަނީ 6 ފެބުރުވަރީ 2021 އަށެވެ.
9ނަމަވެސް، އިބްރާހީމް ޒާހިރު ވަޒީފާއަށް ހާޒިރުވެފައި ނުވާތީ، އިބްރާހީމް ޒާހިރުގެ މި ޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 4 23 ވަނަ މާއްދާގެ ދަށުން އިބްރާހީމް ޒާހިރުއަށް ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއް ކަމަށް ބަޔާންކޮށް އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކޮށްފައިވެއެވެ.
10އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ، ވަޒީފާއާބެހޭ ޤާނޫނާއި، ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ތަފާތުކުރުމުގެ ތެރެއިން ކަމަށް ކަނޑައަޅައި ދިނުމަށާއި، ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާޢީ ޢަދުލުވެރިކަން ގާއިމުކޮށްފައިނުވާތީ، އިބްރާހީމް ޒާހިރު އަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނޫންކަމަށް ކަނޑައަޅައި، އޭނާ އަދާކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދިނުމަށާއި ވަޒީފާގައި ދެމިހުރިނަމަ ލިބޭނެ މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް އެދި ދުސިތު މޯލްޑިވްސްއަށް ރައްދުވާ ގޮތަށް އިބްރާހީމް ޒާހިރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލައެއް ހުށަހެޅިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން
11އިބްރާހީމް ޒާހިރުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 63/VTR/2021 މައްސަލަ އިންނެވެ.
12ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ނިންމާފައިވަނީ، އިބްރާހީމް ޒާހިރު އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ހަމަތަކާ ޚިލާފަށް މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމަށް ކަނޑައަޅައި، އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރި ކުރުމަކީ އެކަށީގެންވާ ސަބަބެއްނެތި ކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަށާއި، އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާއަށް އަލުން އިއާދަކުރުމާ ހަމައަށް މުސާރައާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅައެވެ.
13ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބިނާކުރި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަންނަނިވި ކަންކަން ހިމެނެއެވެ.
(ހ) އިބްރާހީމް ޒާހިރު މުސާރަ ނުލިބޭ ޗުއްޓީއަށް ފޮނުވާލުމަށްފަހު، އެ ޗުއްޓީގެ މުއްދަތު ހަމަވުމުގެ ކުރިން ވަޒީފާއަށް އަނބުރާ އައުމަށް އެންގުމަށްފަހު، ރިސޯޓަށް ދިއުމަށް ހަދަންޖެހޭ ޕީ.ސީ.އާރު ޓެސްޓު ހެދުމަށް ދުސިތު މޯލްޑިވްސް އިން ދީފައިވާ މުއްދަތަކީ އެކަށީގެންވާ މުއްދަތެއް ކަމުގައި ބުރަނުވެވޭތީ، އިބްރާހީމް ޒާހިރުއަށް ވަޒީފާއަށް އަނބުރާ އަންނަން އެންގި ތާރީޚުން ފެށިގެން ވަޒީފާއަށް އަނބުރާ އައުމަށް ހޭދަވި މުއްދަތަކީ އެކަށީގެންވާ ސަބަބެއްނެތި އެ ފަރާތުން ވަޒީފާއިން ހާޒިރުނުވެ ހުރި ދުވަސްތަކެއް ކަމުގައި ކަނޑައެޅިދާނެ ކަމަށް ނުފެންނާތީ، އިބްރާހީމް ޒާހިރު ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރަންޖެހޭ ސަބަބެއް މެދުވެރިވެފައިވާކަމަށް ބުރަނުވެވޭތީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ދަށުން ދިނުމަކާ ނުލައި އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަވާންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން މައްސަލަ ރައްދުވި ފަރާތުން ގާއިމުކޮށްފައިވާކަމަށް ބުރަވެވޭނެ ހަމައެއް ނެތްކަން.
(ށ) އިސްތިއުނާފު ކުރާ ފަރާތުން އިބްރާހީމް ޒާހިރުގެ މައްޗަށް ތުހުމަތުކޮށްފައިވާ ކަންކަމާ ގުޅިގެން އެ ކަންކަމުގެ މަޢުލޫމާތު ހިއްސާކޮށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާކަން އަދި އެކަމާ ގުޅިގެން އެ ފަރާތުގެ ބަޔާނެއް ނަގާފައިވާކަން އެނގެން ނެތަތީއާއި، މައްސަލަ އިދާރީގޮތުން ތަހުގީގު ކޮށްފައިނުވާތީ، އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރުމުގެ ކުރިން އިސްތިއުނާފު ކުރާ ފަރާތުން ގާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމަށް ބުރަވެވޭކަން.
(ނ) މި މައްސަލައިގައި އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރި ހިސާބުން ފެށިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމި ދުވަހާ ހިސާބަށް އެއްވެސް ވަޒީފާއެއް އަދާކޮށް މުސާރައެއް ލިބިފައިވާކަން ދުސިތު މޯލްޑިވްސް އިން ސާބިތުކޮށްދިނުމަށް އެއްވެސް ކަމެއް ފާހަގަކޮށްފައިނުވާތީ، އެ ފަރާތް ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން އެ ފަރާތް ވަޒީފާއަށް އަނބުރާ ރުޖޫއަކުރެވޭ ދުވަހާ ހަމައަށް އިސްތިއުނާފު ކުރާ ފަރާތުގެ ވަޒީފާގައި ހުރިނަމަ، ލިބޭނެ މުސާރަ އާއި އިނާޔަތްތަކަށްވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅައި، އެއީ އެކަށީގެންވާ ޢަދުލުވެރި ބަދަލެއްކަން.
14ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ދުސިތު މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން
15ދުސިތު މޯލްޑިވްސްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2022/HC-A/61 ޤަޟިއްޔާ އިންނެވެ. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ޙުކުމްކޮށްފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބާޠިލުކުރަންޖެހޭފަދަ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައެވެ.
16ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބުނެވުނު ނަތީޖާއަށް ވާޞިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.
16.1 މި މައްސަލައިގެ ހާދިސާ ދިމާވިއިރު ކޮވިޑް-19 އާއި ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީން ފިޔަވަޅުތަކެއް އަޅާފައި ހުރިކަން އެނގޭއިރު މި ކަންތައްތަކަށްވެސް ރިޢާޔަތްކުރެވެންވާނެ ކަމާއި، އިބްރާހީމް ޒާހިރު ދިޔައީ އެ ފަރާތުގެ ޙާލަތު އީމެއިލް މެދުވެރިކޮށް ކިޔައިދެމުންކަން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮންނަކަން.
16.2 އިބްރާހީމް ޒާހިރު މުސާރަ ނުލިބޭ ގޮތަށް ޗުއްޓީއަށް ފޮނުވުމަށްފަހު، އެ ޗުއްޓީ ހަމަވުމުގެ ކުރިން ވަޒީފާއަށް އަނބުރާ އައުމަށް އެންގުމަށްފަހު، ރިސޯޓަށް ދިއުމަށް ހަދަންޖެހޭ ޕީސީއާރު ޓެސްޓު ނުހެދުމުގެ ސަބަބުން ވަޒީފާއަށް ނުކުމެފައިނުވާތީކަމަށް ބަލައި ވަޒީފާއަށް އަނބުރާ ނުކުތުމަށް އެންގި ތާރީޚުން ފެށިގެން ވަޒީފާއަށް އަނބުރާ އައުމަށް ހޭދަވި މުއްދަތަކީ އެކަށީގެންވާ ސަބަބެއްނެތި އެ ފަރާތުން ވަޒީފާއަށް ހާޒިރުނުވެ ހުރި ދުވަސްތަކެއް ކަމުގައި ބެލިދާނެ ހަމައެއް ނެތްކަން. އަދި މި ކަންކަމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްއޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ މުވައްޒަފަކު ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަކިކުރެވޭނެ ސަބަބެއް ކަމުގައި ނުބެލެވޭނެކަން.
17އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ދުސިތު މޯލްޑިވްސް އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު
18ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/61 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ދުސިތު މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވަނީ 03 (ތިނެއް) އިސްތިއުނާފީ ނުކުތާ އެވެ.
(ހ) ފުރަތަމަ ނުކުތާ އަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/61 ޤަޟިއްޔާގައި، އިބްރާހީމް ޒާހިރު މުސާރަ ނުލިބޭގޮތަށް ޗުއްޓީއަށް ފޮނުވުމަށްފަހު، އެ ޗުއްޓީ ހަމަވުމުގެ ކުރިން ވަޒީފާއަށް އަނބުރާ އައުމަށް އެންގުމަށްފަހު، ރިސޯޓަށް ދިއުމަށް ހަދަންޖެހޭ ޕީސީއާރު ޓެސްޓު ނުހެދުމުގެ ސަބަބުން ވަޒީފާއަށް ނުކުމެފައިނުވާތީކަމަށް ބަލައި، ވަޒީފާއަށް އަނބުރާ ނުކުތުމަށް އެންގި ތާރީޚުން ފެށިގެން ވަޒީފާއަށް އަނބުރާ އައުމަށް ހޭދަވި މުއްދަތަކީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއަށް ހާޒިރުނުވެހުރި ދުވަސްތަކެއްކަމަށް ބެލިދާނެ ހަމައެއް ނެތްކަމަށް ކަނޑައަޅާފައިވަނީ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ފުރިހަމައަށް ރިއާޔަތްނުކޮށް މައްސަލައިގެ ވަށައިގެންވާ ވާގިއާތައް ޝާމިލު ގޮތުގައި ތަޠުބީޤުނުކޮށް ކަމުގައެވެ.
(ށ) ދެވަނަ ނުކުތާ އަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 63/VTR/2021 ނިންމުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިނުވާކަމަށް ކަނޑައަޅާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/61 ޤަޟިއްޔާގައި ތާއީދުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2013/HC-A/77 (ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް ވ. އަޙްމަދު ޔޫސުފް) ޤަޟިއްޔާގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމުގައި ރިއާޔަތްކުރަންޖެހޭ ކަންތައްތަކާއި ގުޅިގެން ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށް ކަމުގައެވެ.
(ނ) ތިންވަނަ ނުކުތާ އަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 63/VTR/2021 ނިންމުމުގައި އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ ރުޖޫއަކުރުމާއި ހަމައަށް މުސާރަ އާއި އިނާޔަތްތައް ނަގައިދިނުމަށް ކަނޑައަޅާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/61 ޤަޟިއްޔާގައި ތާއީދުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު- ޤަސިއްޔާގައި މިފަދަ ހާލަތުގައި ބަދަލު ނަގައިދިނުމަށް ކަނޑައަޅާފައިވާ އެކަށީގެންވާ ބަދަލުގެ އުސޫލާއި ޚިލާފަށް ކަމުގައެވެ.
19މި ބުނެވުނު ނުކުތާތައް ހުށަހެޅުމަށްފަހު އިސްތިއުނާފު ކުރާ ފަރާތުން އެދިފައިވަނީ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި މައުސޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވާކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ބާތިލުކޮށްދިނުމަށެވެ. އަދި މި ނިންމުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވާސިލު ނުވެވޭ ޙާލަތުގައިވެސް ބަދަލުގެ މިންވަރު ހިސާބުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ކަނޑައަޅައިދިނުމަށެވެ.
20މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ އިބްރާހީމް ޒާހިރު އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް ކަނޑައަޅައިދިނުމަށެވެ.
21މި އިސްތިއުނާފުގައި ޙަވާލާދެވޭ ފުރަތަމަ ކަމަކީ އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރި ގޮތާއި ސަބަބުގެ މައްޗަށެވެ. މި އިސްތިއުނާފުގައި ދެވަނައަށް ބަޔާންކުރާ ކަމަކީ، އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރި ގޮތާމެދު ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ދެކި އިސްތިއުނާފު ކުރާ ފަރާތުން ތައުނުކުރާ ކަންކަމުގެ މައްޗަށެވެ. އަދި 6 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/44 ޤަސިއްޔާ ތިންވަނަ ނުކުތާގައި އިސްތިއުނާފު ކުރާ ފަރާތުން އިޝާރާތްކޮށްފައިވަނީ ބަދަލު ނަގައިދީފައިވާ ގޮތާއި މެދުގައެވެ. ވުމާއެކު މި ކަންކަމުގެ މައްޗަށް ވަކިވަކިން ބަލާލާނަމެވެ.
ވަޒީފާއިން ވަކިކުރެވުނު ސަބަބު
22އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސް ދިނުމެއް ނެތި އެވެ. ސަބަބެއް ކަމުގައި ބަޔާންކޮށްފައިވަނީ ވަޒީފާއަށް އައުމަށް ގިނަ ފުރުސަތުތަކެއްދެވި ވަޒީފާއަށް ނިކުމެފައިނުވާތީވެ، އިބްރާހީމް ޒާހިރު ގަސްތުގައި ވަޒީފާއަށް ޙާޟިރުނުވުން ނުވަތަ ވަޒީފާ ދޫކޮށްލީކަމަށް ބަލައެވެ.
23އެހެންކަމުން، ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރާ އުޞޫލުތަކުގެ މައްޗަށް ބަލާލާނަމެވެ.
ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރުން
24HN1ނޯޓިސް އެއް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ޢަދުލުވެރި ސަބަބެއް އޮވެގެން ކަމާއި ޢަދުލުވެރި ސަބަބެއް އޮތް ކަމަށް ބެލެވޭނީ ޢައިރު ސުލޫކީ ޢަމަލެއް ކޮށްފައި ވާނަމަ ނުވަތަ ޚިޔާނާތެއް ވެފައިވާނަމަ ކަން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) އަށް ބެލުމުން އެނގެއެވެ.
25މުވައްޒަފަކު ކުރި ޢަމަލަކީ ނޯޓިސް ދިނުމެއް ނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާ ފަދަ ފާޅުކަން ބޮޑު ޢައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވޭނީ މުވައްޒަފު ކުރި ޢަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ޢަމަލެއް ކަމަށް ވާނަމައެވެ.
26HN2މިގޮތުން، މުވައްޒަފުގެ ޢައިރު ސުލޫކީ ޢަމަލު އަންނަނިވި ފަދައިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ އެއް ޤަޟިއްޔާ އަށް ވުރެ ގިނަ ޤަޟިއްޔާގައި ބަޔާންކޮށްފައި ވެއެވެ. މީގެ ތެރޭގައި އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް އާއި ބޭންކް އޮފް މޯލްޑިވްސް ޕރކ ވ. ފާޠިމަތު މަލީޙާ ޖަމާލް މި ދެ މައްސަލަ ވެސް ހިމެނެއެވެ. ޣައިރު ސުލޫކީ ޢަމަލަކީ:
(ހ) ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށް ވާނަމަ؛
(ރ) އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއް ކަމަށް ވާނަމަ؛ ނުވަތަ
(ނ) އެ ކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީ ގޮތުން ނުވަތަ ސީދާ ގޮތެއްގައި ޚިލާފު ކަމެއް ކަމަށް ވާނަމަ؛ އެ ޢަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު އައިރު ސުލޫކީ ޢަމަލެއް ކަމަށް ބެލެވިދާނެއެވެ.
27ނޯޓިސް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަ ވެދާނޭ ފާޅުކަން ބޮޑު އައިރު ސުލޫކީ ޢަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަނުން ކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްއޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާ އާ ގުޅިގެން ޣައިރު ސުލޫކީ ޢަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންކަމުން އައިރު ސުލޫކީ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާ އަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރި ކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައި ވާނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެން ވެއެވެ.
28HN3ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކަށީގެންވާ ސަބަބެއް އޮވެގެން، މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުހުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށް ދޭންޖެހޭނީ، މި ބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ވަނީ އިސްތިޤުރާރު ވެފައެވެ. ލާޒިމު އިޖުރާއާތުތައް ހިންގިކަން ކަށަވަރުކުރުން
29މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ. އަދި މިކަން ސާބިތުކޮށްދިނުމުގެ ބުރަ އޮންނަނީ ވަޒީފާދޭ ފަރާތުގެ މައްޗަށެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރުކުރުމަށް ވަޒީފާއާބެހޭ ޤާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމު އިޖުރާއާތު ވަޒީފާ ދޭފަރާތުން ފުރިހަމަ ކުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ. އަދި އެއީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވޭތޯ ދެނެގަތުމެވެ.
30ދިވެހިރާއްޖޭގެ ހައިކޯޓުން ވަނީ އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ދަމަހައްޓާފައެވެ.
(ހ) މައުޟޫޢީ ޢަދުލުވެރިކަން
31އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސް ދިނުމެއްނެތި 16 ފެބުރުވަރީ 2021 ގައެވެ. ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއަށް ނުކުތުމަށް ތަކުރާރުކޮށް ދުސިތު މޯލްޑިވްސް އިން އެންގުމަށްފަހު، އެކަމަށް އޭނާ އިޖާބަދީފައިނުވާތީކަމަށް ބަލައި، ގަސްތުގައި ވަޒީފާއަށް ޙާޟިރުނުވެ އިބްރާހީމް ޒާހިރު ވަޒީފާ ދޫކޮށްލީކަމަށް ބަލައެވެ.
32މިގޮތުން އިބްރާހީމް ޒާހިރު ހުރީ މުސާރަ ނުލިބޭ ޗުއްޓީ އެއްގައެވެ. މި ޗުއްޓީގެ މުއްދަތު ހަމަވަނީ 31 މާރިޗު 2021 ގައެވެ. މި މުއްދަތު ހަމަވުމުގެ ކުރިން އިބްރާހީމް ޒާހިރު ވަޒީފާއަށް ނުކުތުމަށް ޝައުގުވެރިކަން ފާޅުކުރުމުން 31 ޖަނަވަރީ 2021 ގައި ވަޒީފާއަށް ނުކުތުމަށް 28 ޖަނަވަރީ 2021 ގައި އިބްރާހީމް ޒާހިރުއަށް ދުސިތު މޯލްޑިވްސް އިން އެންގިއެވެ. މި ދުވަސްވަރަކީ ކޮވިޑް-19 ގެ ތެރެއެވެ. ވަޒީފާއަށް ނުކުތުމަށްޓަކައި ހަދަންޖެހޭ ޕީސީއާރު ޓެސްޓު ހަދައި، ނެގެޓިވް ޕީސީއާރު ޓެސްޓުގެ ނަތީޖާއާއެކު ވަޒީފާއަށް އައުމަށް އިބްރާހީމް ޒާހިރަށް ދުސިތު މޯލްޑިވްސް އިން އަންގާފައިވާކަން އެނގެއެވެ.
33ވަޒީފާއަށް ނުކުތުމަށްޓަކައި ޕީސީއާރު ޓެސްޓު ހެދުން އެއީ ލާޒިމުކަމެކެވެ. ކޮވިޑް-19 ގައި އަޅާފައިވާ ޚާއްޞަ ފިޔަވަޅުތަކާ އެއްގޮތަށް އެއް ރިސޯޓުން އަނެއް ރިސޯޓަށް ދަތުރުކުރުމުގައި ކަނޑައެޅިފައިވާ ގޮތަށް ޕީސީއާރު ޓެސްޓު ހެދުމާއި އުޞޫލުގައިވާ ގޮތުގެމަތިން ކަރަންޓީނުވުން ފަދަ ކަންކަން ވަނީ ލާޒިމުކުރެވިފައެވެ . އިބްރާހީމް ޒާހިރު އެ ވަގުތު ހުރީ ކްރޮސް ރޯޑް މޯލްޑިވްސް ރިސޯޓުގައެވެ. އެއިރު މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރު ސަރކިއުލަރ 88-IIHR/CIR/2021/10 (19 ޖަނަވަރީ 2021) އެ ރިސޯޓު އޮތީ މޮނިޓަރިންގ ޙާލަތުގައެވެ. މި ޙާލަތުގައި ދަތުރު ކުރުމަކީ ގައިދުކުރެވިފައި އޮންނަ ކަމެވެ. 31 ޖަވަނަރީ 2021 ގައި ޕީސީއާރު ޓެސްޓު ހަދައި އިބްރާހީމް ޒާހިރަށް ރިސޯޓަށް ޙާޟިރުވެފައި ނުވެއެވެ. އަދި ޙާޟިރުނުވި ސަބަބަކީ އެ ރިސޯޓު މޮނިޓަރިންގގައި އޮތުމުގެ ސަބަބުން ދަތުރުކުރުމަށް ދަތިތަކެއް އޮތުމާއި އަދި ޕީސީއާރު ޓެސްޓު އެ ވަގުތު އެ ރިސޯޓުން ހެދެން ނެތުމުންކަން މި މައްސަލައިގެ ތެރެއިން ހުށަހެޅިފައިވާ ކަންކަމުން އެނގެއެވެ.
34މިކަން މިހެން ދިމާވެފައިވާކަން އިބްރާހީމް ޒާހިރު ދިޔައީ ދުސިތު މޯލްޑިވްސްއަށް އަންގައި، ޙާޟިރުވުމަށް އޮތް ހުރަސްތައް ބަޔާންކޮށް މުޢާމަލާތު ކުރަމުންކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެއެވެ. ދަތުރުކުރުމަށް ޕީސީއާރު ޓެސްޓު ހެދުމަކީ ލާޒިމުކަމެކެވެ. ޕީސީއާރު ޓެސްޓު އިބްރާހީމް ޒާހިރު ހުރި ރިސޯޓުން ހެދޭކަށް ނެތެވެ. އަދި ރިސޯޓު މޮނިޓަރިންގގައި އޮތުމުގެ ސަބަބުން ދަތުރުފަތުރު ކުރުން އޮތީ ގައިދުކުރެވިފައި ޢާންމު ޙާލަތެއްގައި ނޫނެވެ.
35HN4މި ޙާލަތްތަކަކީ މުވައްޒަފު އަމިއްލަ އިޚްތިޔާރުން ބޭރުގައި ހުރި ކަންކަމަށްވެފައި، މުސާރަ ނުލިބޭ ޗުއްޓީއެއްގައި ހުރި މުވައްޒަފަކު އެ ޗުއްޓީގެ މުއްދަތު ހަމަވުމުގެ ކުރިން ޙާޟިރުވުމަށް އިބްރާހީމް ޒާހިރަށް އެންމެ ފުރަތަމަވެސް ލިބުނީ ތިން ދުވަހެވެ. އެއީ ވަޒީފާއަށް ޙާޟިރުވުމަށް އެންގީ 28 ޖަނަވަރީ 2021 ގައި ކަމަށްވެފައި ވަޒީފާއަށް ނިކުންނަންޖެހޭ ތާރީޚަކީ 31 ޖަނަވަރީ 2021 އެވެ. އޭގެ ފަހުން، ޕީސީއާރު ޓެސްޓު ހެދުމަށް 2 ފެބުރުވަރީ 2021 ގައި އިތުރު ފުރުސަތަކަށް އެދުމުން 6 ފެބުރުއަރީ 2021 އަށް ޕީސީއާރު ޓެސްޓު ހަދައިގެން ރިސޯޓަށް އައުމަށް ފުރުސަތު ދިނެވެ. މިއަށްފަހު އޭގެ ދިހަ ދުވަސް ފަހުން 16 ފެބުރުވަރީ 2021 ގައި ވަޒީފާއިން ވަކިކުރިކަން އިބްރާހީމް ޒާހިރަށް އެންގުނެވެ. މިކަން އެނގުނީ ޕީސީއާރު ޓެސްޓުގެ ނަތީޖާ 17 ފެބުރުވަރީ 2021 ގައި ލިބުމުން ދުސިތު މޯލްޑިވްސް އަށް ޙިއްސާކޮށް ވަޒީފާއަށް ނުކުތުމަށް އިބްރާހީމް ޒާހިރު ބޭނުންވާކަން ދުސިތު މޯލްޑިވްސް އަށް އެންގުމުންނެވެ. މި ހިނގާދިޔަ މުއްދަތަކީ ވަޒީފާއަށް ނިކުންނަން އެންގި ތާރީޚުން ފެށިގެން 16 ދުވަހެވެ.
36މި ބުނެވުނު ކަންކަމަށް ބަލައި، ވަޒީފާއަށް ނުކުތުމަށް އެންމެ ފުރަތަމަ ޝައުގުވެރިކަން ފާޅުކުރީ މުވައްޒަފުކަން އެނގެއެވެ. އަދި ވަޒީފާއަށް ނިކުތުމަށްޓަކައި އިބްރާހީމް ޒާހިރު ކޮވިޑް-19 ގައި ޢަމަލުކުރަމުންދިޔަ ޚާއްޞަ އުޞޫލުތަކުގެ ތެރެއިން މަސައްކަތް ކުރަމުން ދަނިކޮށް، އޭނާ ވަޒީފާއިން ވަކިކުރިއިރު ގަސްތުގައި ވަޒީފާއަށް ނުނިކުމެހުރި މުވައްޒަފެއްގެ ގޮތުގައި ބެލިދާނެ ހަޤީގަތެއް ފެންނާކަށް ނެތެވެ. ނަމަވެސް އިސްތިއުނާފު ކުރާ ފަރާތުން ދެކޭ ގޮތުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބުނެވުނު ހަޤީގަތްތައް ޝާމިލު ގޮތެއްގައި ފުރިހަމައަށް ރިޢާޔަތްކޮށް ތަޠުބީޤުކޮށްފައި ނުވެއެވެ.
37HN5މިކަމަށް ބަލާއިރު، ޝަރުޢީ ނިޒާމުގެ ތެރެއިން މައްސަލައެއް ތިން މަރުޙަލާގައި ބެލުމުގެ މާނައަކީ ކޮންމެ މަރުޙަލާއެއްގައި އެއްކަމެއް ތަކުރާރުކުރުމެއް ނޫނެވެ. އަދި ދަށު ކޯޓަށް ހުށަހެޅޭ ދަޢުވާއެއް އެ އޮތްގޮތަށް އެ މައްސަލަ އަލުން ތިން ފަހަރު ބެލުމެއްވެސް ނޫނެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަރުޙަލާއަކީ ފުރަތަމަ މަރުޙަލާގައި ހުށަހެޅުނު މުޅި ދަޢުވާ އަލުން ބަލާ އުޞޫލުން ނުވަތަ ފުރަތަމަ މަރުޙަލާގައި މައްސަލައިގައި ނިންމާފައިވާ ނިންމުމުގެ އެންމެހައި ވާޤިޢާތަކާއި ހެކި ވަޒަންކޮށްފައިވާ ގޮތާއި ޤާނޫނު ތަޠުބީޤުކޮށްފައިވާ ގޮތުގެ އެންމެހައި ކަންކަން ބަލާ މަރުޙަލާއެއް ނޫނެވެ.
38ކަންމިހެން އޮތްއިރު، ނޯޓިސް އެއް ދިނުމެއްނެތި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ އާ ޙަވާލާދެވި އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރެވިދާނެ ފާޅުކަން ބޮޑު ޢައިރު ސުލޫކީ ޢަމަލެއް އޭނާގެ ފަރާތުން ފާހަގަކުރެވިފައި ނުވެއެވެ. ކޮންމެ ސަބަބަކާ ހުރެމެ މުވައްޒަފަކު ވަޒީފާއަށް ޙާޟިރުނުވެ ހުރުމަކީ އެކަމުގެ ޒާތަށް ބަލައި ފާޅުކަންބޮޑު ޢައިރު ސުލޫކީ ޢަމަލެއްކަން ސާބިތުކޮށްދީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވިދާނެ ހުއްދަކުރާ ސަބަބެއްކަން ކަށަވަރުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެކަން މި މަގުން ވަޒީފާދޭ ފަރާތުގެ ހައިސިއްޔަތުން ދުސިތު މޯލްޑިވްސް އިން އަދާކޮށްފައި ނުވެއެވެ.
39އެހެންކަމުން، އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ގާއިމުކޮށްފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.
(ށ) އިޖުރާއީ ޢަދުލުވެރިކަން
40HN6މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައި އޮތުން ލާޒިމެވެ. ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި އެ މުވައްޒަފަށް ކުރެވޭ ތުހުމަތުތަކާ ގުޅޭގޮތުން ޖަވާބު ދާރީވުމުގެ ފުރުސަތު ފަހިކޮށްދޭން ޖެހޭނެކަން މި ކޯޓުގެ މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން މި ޤަޟިއްޔާއަށް ބެލުމުން އެނގެއެވެ. ނޯޓިހެއް ދިނުމެއް ނެތި ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި މުވައްޒަފަށް ކުރެވޭ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް ފުރުސަތު ދެވޭ މިންވަރު ކަނޑައެޅެނީ ވަޒީފާއިން ވަކިކުރެވޭ ޙާލަތާއި ވަގުތާއި އަދި ކުރެވުނު ތުހުމަތުގެ ޠަބީޢަތަށް ބަލައެވެ. ކޮންމެ ޙާލަތެއްގައި ލިޔުމުން ޖަވާބުދާރީވުމަށް ފުރުސަތު ނުދެވުނު ކަމުގައި ވިޔަސް ކުރެވޭ ތުހުމަތު ސާފުކޮށްދެވި ސުވާލު ކުރެވިދާނެ އެވެ.
41މި މައްސަލައަށް ބަލައިފިނަމަ، އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރުމުގެ ކުރިން އޭނާއަށް ތުހުމަތުކުރެވޭ ކަންކަމުގެ މައްޗަށް ބަސްބުނުމުގެ ފުރުސަތުދީފައިވާކަން އެނގެން ނެތެވެ. ޖަވާބުދާރީވުމަށް ފުރުސަތު ދިންކަން އެނގެން ނެތެވެ. އިބްރާހީމް ޒާހިރަށް ތުހުމަތު ކުރާކަމަކީ ވަޒީފާއަށް ނުނިކުތުމެވެ. ކުރިންވެސް ބަޔާންކުރެވިފައިވާ ފަދައިން، އިބްރާހީމް ޒާހިރު ވަޒީފާއަށް ނުކުތުމަށް ބޭނުންވެ އެކަމަށް އެދުނީ އޭނާއެވެ. ވަޒީފާއަށް ނުކުތުމަށް ޕީސީއާރު ޓެސްޓު ހެދުމަކީ ވޮކިޑް-19 ގެ ތެރޭގައި ލާޒިމު ކަމެކެވެ. ވަޒީފާއަށް ނުކުތުމަށް އޮތް ހުރަހެއްކަމަށް ދެފަރާތުގެ ދެމެދުގައި ޙަވާލާދޭ ކަމަކީ ޕީސީއާރު ޓެސްޓު ހެދުމެވެ.
42އަދި މި ރައުޔުގެ 35 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ފަދައިން، ވަޒީފާއަށް ނިކުތުމަށް އެންގި ތާރީޚުން ފެށިގެން ހިނގާދިޔަ 16 ދުވަހުގެ ތެރޭގައި އިބްރާހީމް ޒާހިރު އާއި އިސްތިއުނާފު ކުރާ ފަރާތުން މުޢާމަލާތު ކުރަމުން ގޮސް ޕީސީއާރު ޓެސްޓް ހަދައި 17 ފެބުރުވަރީ 2021 ގައި ފޮނުވުމުން އޭގެ ކުރީ ދުވަހު 16 ފެބުރުވަރީ 2021 ގައި އޭނާ ވަޒީފާއިން ވަކިކޮށްފައިވާކަން އޭނާއަށް އެންގުނެވެ. ޕީސީއާރު ޓެސްޓުގެ ނަތީޖާ ހުށަހެޅުމުގެ ކުރިން ވަޒީފާއިން ވަކިކޮށްފައިވާކަން އޭނާއަށް އެނގިފައިނުވާކަން މި މައްސަލައިގައި އިބްރާހީމް ޒާހިރުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގެއެވެ. ކަން މިހެން އޮތްއިރު، އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވާކަން އެނގެން ނެތެވެ. އަދި މި ނުކުތާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ދެކެމެވެ.
ބަދަލު
43މި އިސްތިއުނާފުގައި ހަވާލާދެވޭ ތިންވަނަ ކަމަކީ ބަދަލާ ގުޅޭގޮތުން ނެވެ. އިބްރާހީމް ޒާހިރު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އަލުން އިއާދަކުރުމާ ހަމައަށް މުސާރަ އާއި ޢިނާޔަތްތައް ނަގައިދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމުގެ މައްޗަށެވެ. ނަމަވެސް މި ދެންނެވި ބަދަލާ ގުޅޭބައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅި އިސްތިއުނާފު ކުރެވިފައި ނުވެއެވެ.
44މިކަން ބަޔާންކޮށް ބަދަލާ ގުޅޭގޮތުން ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަކީ މިހާރު ނިހާއީ ނިންމުމެއްކަމަށް އިސްތިއުނާފު ރައްދުވާ އިބްރާހީމް ޒާހިރުގެ ފަރާތުން މި އިސްތިއުނާފުގައި ބަޔާންކޮށްފައި ވެއެވެ. އަދި މިކަން މި އިސްތިއުނާފުގެ ތެރެއިން ނުބެލޭނެކަމަށް ވެސް އިބްރާހީމް ޒާހިރުގެ ފަރާތުން ބަޔާންކޮށްފައި ވެއެވެ. ބަދަލާ ގުޅޭގޮތުން ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ނުކުރާކަމީ އިސްތިއުނާފު ކުރާ ފަރާތުން ދެބަސްނުވާ ފެންނަންއޮތް ޙަގީގަތެކެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި އިސްތިއުނާފު ކުރާ ފަރާތުން ދައްކާފައިވާ ވާހަކަތަކުން ވެސް އެނގެއެވެ.
45HN7ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މައްސަލަތައް ބެލުމުގައި އަސާސަކަށް ބަލަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައިވާ ކަންކަމުގެ މައްޗަށެވެ. އެ ކޯޓުން ގޮތެއް ނިންމާފައިނުވާ ކަމެއްގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައެޅުމެއް ނޯވެއެވެ. އެހެން ގޮތަކަށް ބުނާނަމަ، ދަށު މަރުޙަލާގައި ވާހަކަ ނުދެއްކޭ ނުކުތާއެއް، ހުށަނޭޅޭ ހެއްކެއް، އޭގެ މަތީ އިސްތިއުނާފީ މަރުޙަލާގެ ކޯޓަށް ހުށަނޭޅުމެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ފަދައިން ދަށު މަރުޙަލާގައި ފާހަގަ ނުކުރާ ކަމެއް، ނުވަތަ ހެއްކެއް ހައިކޯޓަށް ހުށަނޭޅުމެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަނާޅާ ކަމެއް، ނުވަތަ ހެއްކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަނޭޅުމެވެ.
46ބަޔާންވެދިޔަ އުޞޫލުތަކަށް ރިޢާޔަތްކޮށް މި އިސްތިއުނާފުގައި، ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވާ ކަންކަމަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރިމައްޗަށް ހުށަހެޅި އެ ކޯޓުން ގޮތެއް ކަނޑައެޅިފައިވާ ކަންކަމަށްނުވާތީވެ، އެކަމުގެ މައްޗަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅައި މި އިސްތިއުނާފުގައި ކުރިއަށް ދާންޖެހޭ މައުޟޫޢީ ސަބަބެއް ނެތެވެ.
ނަތީޖާ
47މި ބުނެވުނު ކަންކަމަށް ރިޢާޔަތްކޮށް، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް މި ކޯޓުގެ ކުރިމައްޗަށް ހުށަހެޅިފައި ނުވެއެވެ.
ޚަރަދު
48HN8މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން މަދަނީ އިޖުރާއާތު ޤާނޫނުގައިވާ ގޮތުގެމަތިން ޝަރީޢަތުގެ ޚަރަދު ނަގައިދިނުމަށް އެދިފައިވެއެވެ. ޝަރީޢަތުގެ ޚަރަދަކީ އެ މައްސަލައެއްގައި ކަންހިނގާފައިވާގޮތަށް ބަލައި އެ މައްސަލައަކަށް ނަގައިދެވޭ އެއްޗެކެވެ.
49އެގޮތުން، މަދަނީ އިޖުރާއާތު ޤާނޫނުގެ 272 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރަށް ރިޢާޔަތްކުރެވި މި މައްސަލައިގެ ޠަބީޢަތާއި ކަންހިނގާފައިވާ ޙަލާތަށާއި ވަށައިގެންވާ އެންމެހައި ކަންކަމަށް ނަޒަރުކޮށް ޝަރީޢަތުގެ ޚަރަދު މި މައްސަލައިގައި ނަގައިދެވިފައި ނުވެއެވެ.
ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު
50މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މުޙައްމަދު ސަލީމްގެ ރައުޔު
51މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު، ދުސިތު މޯލްޑިވްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/61 ޤޟިއްޔަ އިސްތިއުނާފު ކުރަމުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، އެ ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ފަދަ ސަބަބެއް ނެތްކަމަށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ޙުކުމް ކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ފުޓްނޯޓު
- ކުންފުނީގެ ރަޖިސްޓްރޭޝަން ނަންބަރު C-0790/2019
- ދިވެހި ރައްޔިތެއްކަން އަންގައިދޭ
- ދުސިތު މޯލްޑިވްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މަޢުރޫފް މުޙައްމަދު [email protected] 28 ޖަނަވަރީ 2021 ގައި އިސްތިއުނާފު ރައްދުވާ ފަރާތަށް ފޮނުވާފައިވާ އީމެއިލް
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ޤަޞިއްޔާ
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ( 2018/SC-A/49 )
- ބޭންކް އޮފް މޯލްޑިވްސް ޕރކ ވ. ފާޠިމަތު މަލީޙާ ޖަމާލް (2017/SC-A/14) ގައި ފާހަގަކޮށްފައިވާ ފަދައިން މި އުޞޫލުތަކަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް (2014/SC-A/27) އަދި މޯލްޑިވްސް އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން (2018/SC-A/49) ގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގައި ފާހަގަކުރައްވާފައިވާ ކަންކަމެވެ.
- ޤާސިމް މޫސާ ވ. ސިވިލް ސާރވިސް ކޮމިޝަން [2023] SC 21
- ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާ
- އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް [2024] SC 54
- ފުޓްނޯޓު 07
- މިނިސްޓްރީ އޮފް ޓޫރިޒަމްގެ ނަންބަރުސާރކިއުލރ 19( 88-IIHR/CIR/2021/10 ޖަނަވަރީ 2021)
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުގެ 21 ވަނަ ޕެރެގްރާފް
- އެޓަރނީ ޖެނެރަލް އޮފީސް ވ. ހުސައިން ރިޝީފް ތާޙާ (2012/SC-A/27)
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/23 ޤަޟިއްޔާ
- ފުޓްނޯޓު 09
- އިބްރާހީމް ޒާހިރުގެ ފަރާތުން 13 ނޮވެންބަރު 2025 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ، ވާއަކަ
- ދުސިތު މޯލްޑިވްސް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން 13 ނޮވެންބަރު 2025 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2009/SC-A/14 ޤަޟިއްޔާ
- މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ އެއް މައްސަލައަށްވުރެ ގިނަ މައްސަލަތަކުގައި ޙަވާލާދީފައި ވެއެވެ. މިގޮތުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އ.މ. SC 39 [2022] މައްސަލަ އާއި، މޯލްޑިވިސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް SC 22 [2022] މައްސަލަ އާއި، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. އެޗް.ޕީ.އެލް ރިޒޯޓްސް (މޯލްޑިވްސް) ޕްރައިވެޓ ލިމިޓެޑް SC 23 [2022] މައްސަލަ އާއި، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް SC 26 [2022] މައްސަލަ އާއި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް SC 70 [2022] މައްސަލަ ފާހަގަ ކުރަމެވެ.
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ހ)، (ށ) އަދި (ށ) ގެ (1)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- މަދަނީ އިޖުރާއާތު ޤާނޫނުގެ 272 ވަނަ މާއްދާގެ (ހ) ގެ 9 ވަނަ ނަންބަރު
- އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް 2014/SC-A/27
- މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން 2018/SC-A/49 (ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު)
- ބޭންކް އޮފް މޯލްޑިވްސް ޕލކ ވ. ފާޠިމަތު މަލީޙާ ޖަމާލް 2017/SC-A/14
- ޤާސިމް މޫސާ ވ. ސިވިލް ސަރވިސް ކޮމިޝަން [2023] SC 21
- އަޙްމަދު އިބްރާހީމް ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް [2024] SC 54
- އެޓަރނީ ޖެނެރަލް އޮފީސް ވ. ހުސައިން ރަޝީފް ތާހާ 2012/SC-A/27
- މުޙައްމަދު ނާޝިދު ވ. ސިވިލް ސަރވިސް ކޮމިޝަން 2019/SC-A/23
- ފާޠިމަތު މަނިކެ ވ. މުޙައްމަދު މަނިކު 2009/SC-A/14
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. އޚމ [2022] SC 39
- މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް [2022] SC 22
- މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ ވ. އެޗް.ޕީ.އެލް ރިޒޯޓްސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް [2022] SC 23
- އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް [2022] SC 26
- ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް [2022] SC 70
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.