ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2026] SC 43 · 2023/SC-A/06

އާދަމް އިޔާޒު ވ. ދިވެހި ފުލުހުންގެ ޚިދުމަތް (ދިވެހި ދައުލަތް)

ސުޕްރީމް ކޯޓުދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 4 ނޮވެމްބަރު 2026ދަށު ކޯޓު: ސިވިލް ކޯޓު 181/Cv-C/2019ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2020/HC-A/186، 181/Cv-C/2019
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓަށް އައި ގޮތް
ވަޒީފާ އަނބުރާ ދިނުމާއި ގެއްލުމުގެ ބަދަލަށް އާދަމް އިޔާޒު ސިވިލް ކޯޓުގައި ކުރި ދަޢުވާ (181/Cv-C/2019) ގައި، ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިވާތީ އަމުރުކުރާނެ ހަމައެއް ނެތް ކަމަށް ނިންމިއެވެ. ހައިކޯޓުން (2020/HC-A/186) ކަނޑައެޅީ، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަވެފައިވާ ކަމަށާއި، ހެކިން ހާޒިރުކުރި ނަމަވެސް އެ ހެކިބަހަށް މާބޮޑު ބުރަދަނެއް ނުދެވޭނެ ކަމަށް ބުނެ ސިވިލް ކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.
ވާޤިޢާ
މެރިން ޕޮލިސްގެ ހެޑްގެ ގޮތުގައި ހުރި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒު، 2015 ގައި "ޕޮލިސް 20" ލޯންޗު ފަރަށް އެރުމާ ގުޅިގެން ލޯންޗު ކަފުޖެހުމާއި މަރާމާތުކުރުމާއި އިންޝުއަރެންސް ފައިސާ ދެއްކުމުގެ ކަންކަމުގައި މާލިއްޔަތު ގަވާއިދާއި ފައިނޭންސް ޑިޕާޓްމަންޓުގެ އުޞޫލުތަކާ ޚިލާފަށް ޢަމަލުކުރި ކަމަށް ކަނޑައަޅައި، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން 2018 ގައި އޭނާ ވަޒީފާއިން ވަކިކުރިއެވެ. އިސްތިއުނާފު ކޮމިޓީން އެ ނިންމުން ދެމެހެއްޓިއެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފިޔަވަޅު އަޅާފައިވަނީ އިންޞާފުވެރިކަމާއެކު ނޫން ކަމަށް ފުރަތަމަ ނިންމި ނަމަވެސް، ފަހުން އެ ނިންމުން މުރާޖަޢާކޮށް މައްސަލަ ކުރިއަށް ނުގެންދާން ނިންމިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގެ ކުރިން ޑިސިޕްލިނަރީ ބޯޑުން ހިންގި ތަޙްޤީޤު ރަނގަޅު ނޫންކަން ސާބިތުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅި ހެކިން ހާޒިރުނުކޮށް، ނުކުރި ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންނުކުރުމަކީ ނިންމުން ބާޠިލުކުރަން ނުވަތަ މައްސަލަ ތަޙުވީލުކުރަން ޖެހޭ ކަމެއްތޯ؛ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ފުރަތަމަ ނިންމުމާ އެއްގޮތަށް ޢަމަލުނުކުރުމަކީ ޤާނޫނާ ޚިލާފު ކަމެއްތޯ؛ އަދި އަޑުއެހުންތައް ނިމުމަށްފަހު ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނިންމުމަށް ރިޢާޔަތްކުރެވޭނެތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
އާދަމް އިޔާޒު ބުނީ، ސިވިލް ކޯޓަށް ހުށަހެޅި ހެކިން ހާޒިރުނުކޮށް އޭގެ ސަބަބު ބަޔާންނުކުރުމަކީ ޤާނޫނުއަސާސީގެ 42 ވަނަ މާއްދާއާއި މެރީޑިއަމް ސަރވިސަސް ޤަޟިއްޔާގައިވާ އުޞޫލާ ޚިލާފު ކަމަށާއި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ނިންމުމާ އެއްގޮތަށް ޢަމަލުކުރަންޖެހޭ ކަމަށެވެ. ދައުލަތުން ބުނީ، ނުކުތާއަކީ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ އޮޅިގަނޑު ފަހަނައަޅާ ނުކުތާއެއް ނޫން ކަމަށާއި، ހައިކޯޓުގައި އެދުނު ފަރުވާ ނޫން ފަރުވާއަކަށް ސުޕްރީމް ކޯޓުގައި އެދިފައިވާ ކަމަށެވެ.
ކޯޓުގެ ސަބަބުތައް
ސުޕްރީމް ކޯޓުން ކަނޑައެޅީ، ހެކިން ހުށަހެޅި ސަބަބު ބިނާވެފައިވަނީ ވަކި ފަރާތަކަށް މަންފާ ހޯދައިދީފައި ނުވާކަން ސާބިތުކުރުމަށް ކަމަށާއި، އިންޝުއަރެންސް ބަދަލު ހޯދުމުގައި މާލިއްޔަތު ގަވާއިދުގެ އުޞޫލުތަކަށް ޢަމަލުކުރިކަމުގެ އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާތީ، ހެކިބަހަށް މާބޮޑު ބުރަދަނެއް ނުދެވޭނެ ކަމަށް ހައިކޯޓުން ނިންމީ ރަނގަޅަށް ކަމަށެވެ. ކޮމިޝަނުން ގޮތެއް ނިންމުމުގެ ކުރިން ވަޒީފާއިން ވަކިކޮށްފައިވާތީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގެ އިސްތިސްނާ ތަޠުބީޤުވާ ކަމަށާއި، އަޑުއެހުން ނިމުމަށްފަހު ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނިންމުމަށް ރިޢާޔަތްނުކުރެވޭނެ ކަމަށް ކަނޑައަޅައި، ހައިކޯޓުގެ ޙުކުމަށް ތާއީދުކުރިއެވެ.

ނިންމުން

ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައި

ހައިކޯޓުގެ ޙުކުމް ޤާއިމް (އިއްތިފާޤުން)

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 މައްސަލައެއްގައި ޚަޞްމުން ހާޒިރުކޮށްދިނުމަށް އެދޭ ހެކިންނަށް ނުވަތަ ހުށަހަޅާ ހެއްކަކަށް ފަނޑިޔާރުން ރިޢާޔަތްނުކުރަން ނިންމާނަމަ، ރިޢާޔަތްނުކުރަން ނިންމި ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރުމަކީ އިންޞާފާ އެންމެ ގާތް ގޮތެވެ.

HN2 ދަށުކޯޓަށް ހުށަހެޅި ހެކިންނަށް ރިޢާޔަތްނުކުރި ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމަނާފައި ނުވުމަށް އެކަނި ބަލައި މައްސަލަ ތަޙުވީލުކުރުމާއި ބާޠިލުކުރުމުގެ ފިޔަވަޅު އެޅޭނީ، އެ ހެކިންގެ ހެކިބަހަށް ދެވޭނެ ޤާނޫނީ ބުރަދަން، ނުވަތަ އެ ހެކިން ހާޒިރުކުރިނަމަ މައްސަލައިގެ ނަތީޖާއަށް އަންނާނެ ބަދަލު، ހެކިން ހާޒިރުކުރަން އެދުނު ފަރާތަށް ދައްކުވައިދެވޭ ޙާލަތުގައެވެ.

HN3 ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވޭތޯ ބެލުމުގައި ރިޢާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަކީ، ވަޒީފާއާބެހޭ އާންމު ޤާނޫނުގެ ދަށުން ރިޢާޔަތްކުރާ މިންގަނޑަށްވުރެ ލުއި މިންގަނޑެކެވެ.

HN4 ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ބަލާއިރު، ހެކިން ހުށަހަޅާ ސަބަބުން ތުހުމަތުގެ ހަމައެކަނި ބައެއް (ވަކި ފަރާތަކަށް މަންފާ ހޯދައިދީފައި ނުވާކަން) ސާބިތުކުރަން އުޅުމުން، ތުހުމަތުގެ މައިގަނޑު ބައިކަމުގައިވާ މާލިއްޔަތު ގަވާއިދާ ޚިލާފުވުމާ ބެހޭ ސުވާލަށް ޖަވާބު ނުލިބޭނެއެވެ. އެފަދަ ޙާލަތެއްގައި، ހެކިން ހާޒިރުކުރި ނަމަވެސް އެ ހެކިބަހަށް މާބޮޑު ބުރަދަނެއް ނުދެވޭނެކަމަށް ހައިކޯޓުން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެކެވެ.

HN5 ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް ޢަމަލުކޮށްފައިވާ ކަމަށް ބެލެވޭނީ، އިންޝުއަރކޮށްފައިވާ ދައުލަތުގެ މުދަލަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދުމުގައި ޢަމަލުކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާ ނަމައެވެ. އިދާރާގެ ކަމާބެހޭ ޑިޕާޓްމަންޓާ މަޝްވަރާކުރި ކަމަށް ބުނުމަކީ ގަވާއިދާ އެއްގޮތަށް ޢަމަލުކުރިކަން ސާބިތުވާ ކަމެއް ނޫނެވެ.

HN6 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައިވަނީ ކޮމިޝަނުގެ ހުށަހެޅުންތަކަށް ޤާނޫނު ތަންފީޛުކުރާ އިދާރާތަކުން ޢަމަލުކުރުމުގެ ޢާންމު އިލްތިޒާމެވެ. ކޮމިޝަނުން ގޮތެއް ނިންމުމުގެ ކުރިން އެ އިދާރާއަކުން މުވައްޒަފާމެދު ފިޔަވަޅު އަޅާފައިވާނަމަ، ތަޠުބީޤުވާނީ (ށ) ގައިވާ އިސްތިސްނާއެވެ. އެފަދަ ޙާލަތެއްގައި ކޮމިޝަނުގެ ހުށަހެޅުމާ އެއްގޮތަށް ފިޔަވަޅު އެޅުމުގެ އިލްތިޒާމެއް އިދާރާގެ މައްޗަށް ނުއޮންނާނެއެވެ.

HN7 ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމުގެ ޝަރުޠު މާނަކުރަންވާނީ އެ މާއްދާގެ (ށ) ގައިވާ އިސްތިސްނާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އިތުރު ފިޔަވަޅެއް އަޅަން ލާޒިމުނުވާ ޙާލަތުގައި، (ހ) އަށް އެކަނި ބަލައި ޤާނޫނާ ޚިލާފުވެއްޖެ ކަމަށް ނުބެލެވޭނެއެވެ.

HN8 އިސްތިއުނާފީ މައްސަލައެއްގައި ސުޕްރީމް ކޯޓުން ރިޢާޔަތްކުރާނީ ހައިކޯޓަށް ހުށަހެޅި ނުކުތާތަކާއި ލިޔުންތަކާއި ހެކިތަކަށެވެ. އަޑުއެހުން ނިމުނުކަމަށް އިޢުލާނުކުރުމަށްފަހު އައު ހެއްކެއް ނުވަތަ ލިޔުމެއް ހުށަނޭޅޭނެއެވެ. އަޑުއެހުން ނިމުމަށްފަހު ވުޖޫދުވެ ހުށަހެޅި ލިޔުމަށް ރިޢާޔަތްނުކުރެވުނަސް، އޭގެ މައްޗަށް ބިނާކޮށް ކަމާބެހޭ އިދާރާއަކަށް ހުށަހެޅުމުގެ ޙައްޤު ޚަޞްމަށް ލިބިގެންވެއެވެ.

HN9 ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާ ޚިލާފަށް ޢަމަލުކުރުމާއި ކޮރަޕްޝަނުގެ ޢަމަލެއް ހިންގުމަކީ ތަފާތު ދެކަމެކެވެ.

ޕެރ. 56-57 - ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ވަކި ރައުޔުމި އުޞޫލާ ވައްތަރު އުޞޫލުތައްSaeed Lex ގައި

ވަކީލުންނާއި ފަނޑިޔާރުން

އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
ނޫރުއްސަލާމް އަބޫބަކުރު
ޖަވާބުދާރީވި ފަރާތުގެ ވަކީލުން
އަޙްމަދު ނަޝާޠު، ޙައްމާދު ވާފިރު، ލޫޠު މުޙައްމަދު
ބެންޗު
ޢަބްދުލްޣަނީ މުޙައްމަދު (ރިޔާސަތު)، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޢަބްދުލްޣަނީ މުޙައްމަދު
ރައުޔު ލިޔުނު ފަނޑިޔާރު
ޢަބްދުލްޣަނީ މުޙައްމަދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް
ވަކި ރައުޔު
ޢާއިޝާ ޝުޖޫން މުޙައްމަދު

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

1މިއީ، އާދަމް އިޔާޒު ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/186 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، ބަލާފައިވާ އިސްތިއުނާފީ މައްސަލަ އެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިވެހި ފުލުހުންގެ ޚިދުމަތް (ދިވެހި ދައުލަތް) އެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރެވުނު ޤަޟިއްޔާއަކީ، ސިވިލް ކޯޓުގެ ނަންބަރު 181/Cv-C/2019 ޤަޟިއްޔާއެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2ތިރީގައި ބަޔާންކޮށްފައި އެވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ މެރިން ޕޮލިސް ހެޑް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒުގެ މައްޗަށް ތުހުމަތުކޮށް، ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހަޅާފައިވާ މައްސަލައިގެ ފޯމުގައި ކަންހިނގާފައިވާ ގޮތްކަމަށް ފާހަގަކޮށްފައިވާ ކަންކަމާއި މި މައްސަލައިގައި ހުށަހެޅިފައިވާ އެހެނިހެން ލިޔުންތަކުން ކަންހިނގާފައިވާ ގޮތްކަމަށް ފެންނަންހުރި ކަންކަމެވެ.

2.1. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭނުންކުރާ "ޕޮލިސް 20" ނަންބަރު ލޯންޗު، 07 ސެޕްޓެމްބަރ 2015 ގައި، މ. އަތޮޅު ފަރަކަށް އަރައި ލޯންޗަށާއި ލޯންޗުގެ އިންޖީނަށް ގެއްލުންތަކެއް ވިއެވެ.

2.2. އެރޭ ގާތްގަނޑަކަށް 21:00 ހާއިރު މ. މުލީ ޕޮލިސް ސްޓޭޝަނުން ފޮނުވި ޓަގު ބޯޓެއްގައި (މ. މުލީގައި މަސައްކަތްކުރަން އުޅުނު ޗައިނާ ކުންފުނީގެ ބޯޓެއް) މިލޯންޗު މ. މުލީ ބަނދަރަށް ގެންގޮސްފައި ވެއެވެ.

2.3. އޭގެ އެއްދުވަސް ފަހުން "އިންޓްރޯ މޯލްޑިވްސް" ކިޔާ ކުންފުންޏެއްގެ ޓަގު ބޯޓުގައި ލޯންޗު ކަފުޖަހައިގެން މ.މުލި އިން ކ. ދޫނިދޫ އަށް އެ ލޯންޗު ގެނެސްފައި ވެއެވެ.

2.4. ލޯންޗު ދޫނިދޫ އަށް ގެނެސްފައިވަނީ އެ ދުވަސްވަރު މެރިން ޕޮލިސްގެ ކޮމާންޑް ހެޑްގެ މަޝްވަރާއާއެކު ފައިނޭންސް ޑިޕާޓްމަންޓްގެ ވެރިންގެ ހުއްދަދީގެން ކަމަށް، އާދަމް އިޔާޒު ބުނެއެވެ.

2.5. ލޯންޗުގެ އިންޝުއަރެންސް ކަވަރޭޖް ހަމަޖެހުމާ ގުޅިގެން ސްރީލަންކާގެ "ޑީމޯ ކޮމްޕެނީ" މެދުވެރިކޮށް ލޯންޗު މަރާމާތު ކުރުމަށްޓަކައި ސްރީލަންކާ އަށް ގެންދެވުނެވެ.

2.6. ލޯންޗު ކަފުޖަހައިގެން ސްރީލަންކާ އަށް ގެންދިއުމަށް އައި "މޯލްޝިޕް ކޮމްޕެނީ" ގެ "ރޮމެއިކާ 4" ޓަގު ބޯޓަށް 6500 ލީޓަރ ތެޔޮ ފައިނޭންސް ޑިޕާޓްމެންޓުގެ ހުއްދަ ހޯދުމެއްނެތި ދޫކޮށްފައި ވެއެވެ.

2.7. މި 6500 ލީޓަރު ތެޔޮ އަނބުރާ ޕޮލިސް ސަރވިސް އަށް ހޯދުމަށް، އާދަމް އިޔާޒު ސިޓީއަކުން ސްރީލަންކާގެ "މޯލްޝިޕް ކޮމްޕެނީ" އަށް އަންގާފައި ވީނަމަވެސް، އެ ޢަދަދަށް ތެޔޮ އަނބުރާ އެ ސަރވިސްއަށް ލިބިފައިވާކަން އެނގޭކަށް ނެތެވެ.

2.8. ލޯންޗު މަރާމާތަށްފަހު 21 ސެޕްޓެންބަރ 2016 ގައި މާލެ ގެނެސްފައި ވެއެވެ.

2.9. ލޯންޗު މަރާމާތު ކުރުމުގެ މަސައްކަތްކުރި ސްރީލަންކާގެ "ޑީމޯ ކޮމްޕެނީ" ގެ އެކައުންޓަށް ފައިސާ ޖަމާ ކޮށްދިނުމަށް އެދި، އާދަމް އިޔާޒު އެލައިޑް އިންޝުއަރެންސް އަށް ސިޓީއަކުން އަންގާފައި ވެއެވެ. އަދި އެލައިޑް އިންޝުއަރެންސް އިން ޑީމޯ ކޮމްޕެނީ އަށް ފައިސާ ދައްކާފައި ވެއެވެ.

2.10. ބުނެވިދިޔަ ކަންކަމާ ގުޅިގެން އާދަމް އިޔާޒުއާ ސުވާލުކުރުމުން އެކަންކަން ކޮށްފައިވަނީ އޭރުގެ ހެޑް އޮފް ކޮމާންޑް އަދި ފައިނޭންސް ޑިޕާޓްމަންޓްގައި އިސްކޮށް ހުންނެވި ފަރާތްތަކުގެ ހުއްދައާއެކު ކަމަށް އާދަމް އިޔާޒު ބުނެފައި ވެއެވެ.

2.11. މި މައްސަލައާ ގުޅިގެން އޭރުގެ މެރިން ޕޮލިސް ހިމެނޭ ޑައިރެކްޓަރޭޓްގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރިޓަޔަރޑް ޙުސައިން އާދަމް އާ ސުވާލު ކުރުމުން، 2015 ވަނަ އަހަރު "ޕޮލިސް 20" ނަންބަރު ލޯންޗު ފަރަށް އަރައިގެން ޓަގް ބޯޓެއްގައި މާލެ ގެންނަކަމުގެ މަޢުލޫމާތު އާދަމް އިޔާޒު ދީފައިވާކަމާއި، އެއީ އާދަމް އިޔާޒުގެ ރައްޓެއްސެއްގެ އުޅަނދެއް ކަމުން ޕޮލިސް ސަރވިސް އިން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭނެ ކަމަށް އާދަމް އިޔާޒު ބުނެފައިވާ ކަމަށް ޙުސައިން އާދަމުގެ ބަޔާނުގައި ބުނެފައި ވެއެވެ.

2.12. މި މައްސަލައާ ގުޅިގެން އޭރުގެ ފައިނޭންސް ހިމެނޭ ޑައިރެކްޓަރޭޓްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުއާ ސުވާލުކުރުމުން ބުނެފައިވަނީ، މިކަމާ ގުޅިގެން ދޭންޖެހޭ އެއްވެސް ހުއްދައެއް ދިނުމުގައި ޕޮލިސް ސަރވިސްއިން އާންމުކޮށް ޢަމަލުކުރަމުންދާ އުސޫލާ ޚިލާފަށް އެއްވެސްކަމެއް ކުރުމަށް އަންގާފައި ނުވާނެކަމަށެވެ. އަދިލޯންޗުގެ އިންޝުއަރެންސް ކަވަރޭޖްގެ ތެރެއިން އެއްވެސް ފަރާތަކަށް ފައިސާ ދެއްކުމަށް އެލައިޑް އިންޝުއަރެންސް ކޮމްޕެނީއަށް އެންގުމަށް މެރިން ޕޮލިސް ޑިޕާޓްމަންޓަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި އެކަހަލަ މަޝްވަރާއެއްވެސް ކޮށްފައި ނުވާނެ ކަމަށެވެ.

2.13. "ޕޮލިސް 20" ނަންބަރު ލޯންޗު ފަރަށްއެރި ހާދިސާ ތަޙުޤީޤު ކުރުމަށްފަހު އެލައިޑް އިންޝުއަރެންސް ކޮމްޕެނީއަށް ފޮނުވި "ޕޮލިސް ރިޕޯޓް" ގައި ސޮއިކޮށްފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒު އެވެ.

2.14. އާދަމް އިޔާޒުގެ މި ޢަމަލުތަކަކީ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓްގެ 8 ވަނަ މާއްދާ އާއި 16 ވަނަ މާއްދާއާ ޚިލާފު ޢަމަލުތަކެއް ކަމަށް ޤަބޫލުކުރެވޭތީ މައްސަލައާމެދު ގޮތެއް ނިންމައި ދިނުމަށް ޑިސިޕްލިނަރީ ބޯޑުގައި މި މައްސަލަ ތަޙުޤީޤު ކުރިފަރާތުން އެދިފައި ވެއެވެ.

2.15. 13 ޖޫން 2018 ގައި ޕޮލިހުންގެ ޑިސިޕްލިނަރީ ބޯޑު މެންބަރުންގެ އިއްތިފާޤުން ނިންމާފައިވަނީ، މާލިއްޔަތު ގަވާއިދާ ޚިލާފަށް އާދަމް އިޔާޒު ޢަމަލު ކޮށްފައި ވާކަމާއި، އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުން މިބާވަތުގެ ކަންކަމުގައި އާންމުކޮށް ޢަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކާއި ޚިލާފަށް އެގަވާއިދުތަކުގެ ބޭރުން ޢަމަލުކޮށްފައި ވާކަން އެނގެން އޮންނާތީ އާއި، މި ޢަމަލު ހިންގުމުގައި އާދަމް އިޔާޒުގެ އަމިއްލަ މަޞްލަޙަތެއް އޮތްކަން އެނގޭތީ އާއި، މި މުޢާމަލާތުގެ ތެރެއިން މަންފާ ހޯދުމުގެ ބޭނުމުގައި މަޤާމުގެ ނުފޫޒާއި ބާރު، ނާޖައިޒު ގޮތުގައި ބޭނުން ކޮށްފައިވާކަން އެނގޭތީ، އާދަމް އިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށާއި، މި މައްސަލަ އިސްތިއުނާފު މަރުޙަލާ ނިމެންދެން އާދަމް އިޔާޒު ވަޒީފާއިން ސަސްޕެންޑް ކުރުމަށެވެ.

2.16. ޑިސިޕްލިނަރީ ބޯޑުގެ މި ނިންމުމުގެ ތިރީގައިވާ ނޯޓުގައި ވަނީ، މި މައްސަލައަކީ ދައުލަތުގެ ގިނަ ޢަދަދެއްގެ ފައިސާތަކަކަށް ޚިޔާނާތްތެރި ވެފައިވާ މައްސަލައަކަށް ވާތީ، އަދި މައްސަލައިގެ ބާވަތުން މި މައްސަލައިގެ އެންމެ ފުނަށް ދެވޭނީ އޭ.ސީ.ސީ ފަދަ މިނިވަން ކޮމިޝަނަކުން އެކަށީގެންވާ ތަޙްޤީޤެއް ހިންގައިގެން ކަމަށް ބޯޑުގެ މެންބަރުންނަށް ފެންނާތީ، މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރުމަށް އޭ.ސީ.ސީ އަށް ފޮނުވަން ކޮމެޓީއިން ލަފާ އަރުވާ ކަމަށެވެ.

2.17. މި މައްސަލަ އިސްތިއުނާފު ކޮމިޓީގައި ދެންނެވުމުން 08 ޖުލައި 2018 ގައި ނިންމާފައިވަނީ އާދަމް އިޔާޒު ކޮމިޓީއަށް ހާޒިރުވެ ދެއްކި ވާހަކަތަކަށާއި ތަޙުޤީޤު ކުރި ފަރާތުން ހުށަހަޅާފައިވާ ހެކިތަކަށާއި ޤަރީނާތަކަށް ބަލައި، މި މައްސަލައިގައި ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުން ދެމެހެއްޓުމަށެވެ.

2.18. މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުމުގައި، އާދަމް އިޔާޒު ވަޒީފާއިން ވަކިކުރި ތާރީޚްކަމުގައި ބަޔާންކޮށްފައިވަނީ 2018 ޖުލައި 05 ދުވަހުގެ ތާރީޚެވެ.

2.19. މި ލިޔުމުގައި ވަޒީފާއިން ވަކިކުރި ސަބަބެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ، ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާއި ޚިލާފު ވެފައިވާތީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ (ކ) ގެ ދަށުން ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމުމާއި ގުޅިގެން ކަމަށެވެ.

2.20. އާދަމް އިޔާޒު ވަޒީފާއިން ވަކިކުރުމަށް ނިންމުމާ ގުޅިގެން 14 ޖޫން 2018 ގައި، ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންއަށް އާދަމް އިޔާޒު އެ މައްސަލަ ހުށަހެޅި އެވެ. އެ މައްސަލައިގައި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމާފައި ވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސް އިން އާދަމް އިޔާޒުގެ މައްޗަށް ފިޔަވަޅު އަޅާފައި ވަނީ ފުލުހުންގެ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގައި ޢަމަލުކުރަމުން އައިސްފައިވާ އާންމު އުޞޫލުތަކާ ޚިލާފަށް ކަމަށްވާތީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާދަމް އިޔާޒުގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއެކު އަޅާފައިވާ ފިޔަވަޅެއް ނޫން ކަމަށެވެ. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މި ނިންމުން ނިންމާފައިވަނީ 15 ނޮވެންބަރު 2018 ގައެވެ.

2.21. ބުނެވުނު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ނިންމުމުގައި އިތުރަށް ބަލަންޖެހޭ ކަންތައްތަކެއް ހުރިކަމަށް އެ ކޮމިޝަނަށް ފާހަގަކުރެވޭތީ، 2019 އެޕްރީލް 3 ވަނަ ދުވަހު ބޭއްވުނު ކޮމިޝަނުގެ 11 ވަނަ ބައްދަލުވުމުން އެ މައްސަލަ މުރާޖާ ކުރުމަށް ނިންމާފައިވާކަން 15 އެޕްރީލް 2019 ގައި ކޮމިޝަނުން ފޮނުވި ސިޓީއަކުން އެޓަރނީ ޖެނެރަލް އޮފީހަށް އަންގާފައި ވެއެވެ.

2.22. ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ބުނެވުނު ނިންމުން މުރާޖާކޮށް 30 ޑިސެންބަރު 2020 ގައި ނިންމާފައި ވަނީ، މި މައްސަލައަކީ ޝަރުޢީ ކޯޓަކުން ވަކި ގޮތެއް ނިންމާފައިވާ މައްސަލައަކަށް ވާތީ، އެ ކޮމިޝަނުން މި މައްސަލައިގެ ތަޙުޤީޤު އިތުރަށް ކުރިއަށް ގެންދާނެ ތަނެއް ނެތް ކަމަށެވެ.

ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާ އަދި ނިންމި ގޮތް

3މި މައްސަލައިގައި އާދަމް އިޔާޒުގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ މައްޗަށް ސިވިލް ކޯޓުގައި ދަޢުވާ ކޮށްފައި ވަނީ 06 ޖެނުއަރީ 2019 ގައެވެ. އާދަމް އިޔާޒުގެ ދަޢުވާގައި ބުނެފައިވަނީ، ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކޮށް، ޒާތީގޮތެއްގައި އެއްވެސް އަސްލެއްނެތް މައްސަލައެއް އުފައްދައިގެން މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަމެއް ނެތި 14 ޖޫން 2018 ގައި ވަޒީފާއިން ވަކިކުރުމަށް ނިންމާފައިވާތީ، އޭނާ ވަޒީފާއިން ވަކިކުރަން ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށާއި، ވަޒީފާ އަނބުރާ ދިނުމަށާއި، ވަޒީފާ އަނބުރާދޭ ދުވަހާ ހަމައަށް ލިބެންވާ މުސާރައާއި ޢިނާޔަތްތައް ލިބިދިނުމަށާއި، ވަޒީފާ ދިނުމަށް ޕޮލިސް ސަރވިސްއިން އިންކާރުކުރާ ނަމަ، ޝަރަފްވެރިކަމާއެކު އެއް ރޭންކް މަތިކޮށް ރިޓަޔަރ ކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަމުރު ކޮށްދިނުމަށާއި، ޤާނޫނާ ޚިލާފަށް ވަކިކުރުމުން ލިބުނު ގެއްލުމުގެ ބަދަލަށް 38,175.28ރ. (ތިރީސް އަށްހާސް އެއްސަތޭކަ ހަތްދިހަ ފަސް ރުފިޔާ އަށާވީސް ލާރި) އާއި، ޤާނޫނީ ވަކީލަށް ޚަރަދުވި 50,000ރ. (ފަންސާސްހާސް ރުފިޔާ) ނަގައިދިނުމަށެވެ. މި މައްސަލަ ސިވިލް ކޯޓުގައި ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 181/Cv-C/2019 ޤަޟިއްޔާ އިންނެވެ.

4ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ، އާދަމް އިޔާޒުގެ ވަޒީފާ ޢިޔާދަ ކޮށްދީ، ގެއްލުމުގެ ބަދަލު ނަގައިދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް އަންގައި އަމުރު ކުރާނެ ޝަރުޢީ އަދި ޤާނޫނީ ހަމައެއް ނެތް ކަމަށެވެ.

5ސިވިލް ކޯޓުގެ އެ ނިންމުން ބިނާކޮށްފައިވާ ސަބަބުތަކަކީ:

5.1. ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓުގެ 08 އަދި 16 ވަނަ ނަންބަރާއި ޚިލާފުވެފައި ވާކަމަށް ތުހުމަތު ކުރެވުނު މައްސަލައިގައި ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން އެ މައްސަލަ އިދާރީ ގޮތުން ތަޙުޤީޤުކޮށް މައްސަލައިގެ ތަފުސީލު އާދަމް އިޔާޒަށްދީ، އާދަމް އިޔާޒުގެ ބަޔާން ނަގާފައިވާކަން؛

5.2. ޖަވާބުދާރީވުމުގެ ފުރުސަތާއި ވަކީލަކު ހަމަޖެއްސުމުގެ ފުރުޞަތުދީ އާދަމް އިޔާޒު ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާކަން؛

5.3. އެ ނިންމުން އިސްތިއުނާފު ކުރުމުގެ ފުރުޞަތު ދީފައިވާކަން؛ އަދި

5.4. ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ކޮމިޝަނަރ އޮފް ޕޮލިސް އެންޑޯސް ކޮށްފައިވާކަން، ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތުމުން، އާދަމް އިޔާޒު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ކޮށްފައި ވާކަން؛ މިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް

6ބަޔާންކުރެވުނު ސިވިލް ކޯޓުގެ ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް 4 ނުކުތާ އެއް، އާދަމް އިޔާޒުގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އެވެ. އެއީ؛

6.1. ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ރައްޔިތުންގެ މަޖިލިސް (ދައުލަތް) ޤަޟިއްޔާ އާއި، އެޓާރނީ ޖެނެރަލްގެ އޮފީހުން ހުށަހެޅުމުން ހައިކޯޓުން އެކްސްޕާޓޭކޮށް ބަލާފައިވާ ނަންބަރު 2010/HC-A/168 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ "ނެޗުރަލް ޖަސްޓިސް" އަދި "ޑިއު ޕްރޮސެސް" ގެ އުޞޫލަށް ރިޢާޔަތް ނުކޮށް މައްސަލަ ނިންމާފައި ވުން.

6.2. ޤާނޫނުއަސާސީގެ 61 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ އުޞޫލާ އެއްގޮތްވާ ގޮތުގެ މަތިން ޝާއިޢުކޮށްފައި ނުވާ ގަވާއިދެއްގެ ދަށުން ފިޔަވަޅު އަޅާފައިވުން.

6.3. ޕޮލިސް ސަރވިސްގެ DBMF/2018/52 ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނު ފޯމުގެ ދަށުން ބެލުނު މައްސަލަ ނިންމާފައި ވަނީ، ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށް ސާބިތުކުރުމަށް އިސްތިއުނާފު ކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ހެކިވެރިންގެ ހެކިބަސް ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާ އާއި އެއްގޮތަށް ނަގާފައި ނުވާއިރު، ހެކީން ހާޒިރު ނުކުރި ސަބަބު ބަޔާންކޮށްފައި ނުވުން.

6.4. ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައިވާ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙުޤީޤީ ބަޔާންތަކުގައި ހުރި ފުށުއެރުން ތަކަށް ރިޢާޔަތް ކުރުމެއް ނެތި އެބަޔާން ތަކަށް ބުރަދަން ދީފައިވުން؛ މިއެވެ.

7ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލައިގެ ނިންމުން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ. މި ގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަކޮށްފައިވަނީ:

7.1. މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަ ކޮށްފައި ވާކަމަށެވެ. އަދި ވަޒީފާއިން ވަކި ކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމް ކޮށްފައި ވާނަމަ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި ނެޗުރަލް ޖަސްޓިސްގެ އުޞޫލުތަކަށާއި ޑިއު ޕްރޮސެސްގެ ތެރެއިން ޢަމަލުކޮށްފައިވާ ކަމުގައި ބެލެވޭނެ ކަމަށެވެ.

7.2. ދެފުށް ފެންނަ ގޮތަކަށް ޢަމަލު ކުރުމުގައި ފަނޑިޔާރުން ވަކި ނިންމުމަކަށް ވާސިލުވި ސަބަބު މައްސަލައިގެ ޚަސްމުންނަށް ސާފު ކޮށްދޭން ޖެހޭ ކަމަށެވެ. ސާފުކޮށް ނުދިނުމުގެ ނަތީޖާއެއްގެ ގޮތުން އިސްތިއުނާފީ މަރުޙަލާތަކުގައި ބޭކާރު ގޮތުގައި މައްސަލަ ދިގުލައިގެން ގޮސް އިންސާފު ޤާއިމުކުރުމަށް ހުރަސް އެޅުންފަދަ ކަންކަން މައްސަލައިގެ ޚަޞްމުން ތަޙައްމަލު ކުރުމުގެ ބިރު އޮތް ކަމަށް ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ވ. ސައީދު މޫސާ ޤަޟިއްޔާއާއި ހަވާލާދީ ހައިކޯޓުން ފާހަގަކުރެ އެވެ. އަދި މި ނުކުތާގައި ހައިކޯޓުން އިތުރަށް ފާހަގަ ކޮށްފައި ވަނީ، އާދަމް އިޔާޒުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންނަކީ ބޯޑުން ހިންގި ތަޙުޤީޤުގައި ވެސް ހެކިބަސް ނަގާފައިވާ ފަރާތްތައް ކަމަށްވެފައި، އާދަމް އިޔާޒު ހިންގާފައިވާ މުޢާމަލާތްތައް ހިންގުމުގައި ފައިނޭންސް ޑިޕާޓްމަންޓާއި މަޝްވަރާކޮށްފައި ނުވާކަމުގައި ތަޙުޤީޤަށް މަޢުލޫމާތު ދީފައިވާ ފަރާތްތައް ކަމަށެވެ. ބޯޑުގެ ނިންމުމަށް ބަލާއިރު، އާދަމް އިޔާޒުގެ ފަރާތުން ހުށަހަޅާފައިވާ ހެކީން ކޯޓަށް ހާޒިރުކުރި ނަމަވެސް، އެ ހެކީންގެ ހެކިބަހަށް ދެވޭނެ މާބޮޑު ބުރަދަނެއް އޮންނާނެ ކަމަށް ޤަބޫލު ނުކުރެވޭ ކަމަށެވެ.

7.3. ހައިކޯޓުން މި މައްސަލަ ނިންމާފައިވަނީ ސިވިލް ކޯޓުގެ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާތައް

8ހައިކޯޓުގެ ނަންބަރު 2020/HC-A/186 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އެންމެ ނުކުތާ އެކެވެ. އެއީ، އާދަމް އިޔާޒު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޑިސިޕްލިނަރީ ބޯޑުން ހިންގި ތަޙުޤީޤު ހިންގާފައި ވަނީ ރަނގަޅަށް ނޫންކަމަށް ބުނެ، އެކަމަށް ބާރު ދިނުމުގެ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި ހެކީން ހާޒިރު ނުކުރުމަށް ނިންމި ނިންމުމުން، ސިވިލް ކޯޓުގެ ނިންމުމަށް އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށް ކަނޑައަޅާފައި ވަނީ، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާ އިން ކަށަވަރުކޮށްދޭ އިންސާފުން ޝަރީޢަތް ކުރުމުގެ ޙައްޤަށް އުނިކަން އަންނަ ގޮތަށް، އަދި ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ، މައްސަލައެއްގައި ޚަޞްމަކު ހާޒިރުކޮށް ދިނުމަށް އެދޭ ހެކީން ނުވަތަ ހުށަހަޅާ ހެއްކަކަށް ރިޢާޔަތް ނުކުރަން ނިންމާނަމަ، އޭގެ ސަބަބު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރަން ވާނެ ކަމަށް ބަޔާންކުރާ އުޞޫލާއި، ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފު ނުކުތާތަކަށް ދީފައިވާ ރައްދު

9ހުށަހެޅުނު އިސްތިއުނާފީ ނުކުތާތަކާ ގުޅިގެން ދައުލަތުގެ (ދިވެހި ފުލުހުންގެ ޚިދުމަތު) ފަރާތުން މައިގަނޑު ގޮތެއްގައި ބުނެފައިވަނީ:

9.1. މި މައްސަލައިގައި ހުށަހެޅިފައިވާ އިސްތިއުނާފީ ނުކުތާ އަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ބަޔާންކުރާ ތުރެޝްހޯލްޑް ނުވަތަ އިސްތިއުނާފު ކުރުމުގެ އޮޅިގަނޑު ގިރާ ކުރެވިފައިވާ އިސްތިއުނާފީ ނުކުތާ އެއް ނޫން ކަމަށެވެ.

9.2. އަދި ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާއަކީ ހައިކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާގެ ނަކަލެއް ކަމަށެވެ. އަދި މި ނުކުތާގައި ދެ ކޯޓުގައި ދެ ފަރުވާއަކަށް އެދެވިދާނެ ކަމަށް ނުދެކޭ ކަމަށެވެ. މިގޮތުން ސިވިލް ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދުނު ހެކީން ހާޒިރުކޮށްދީފައި ނުވާކަން ފާހަގަކޮށް ހުށަހެޅި ނުކުތާގައި، ހައިކޯޓުގައި އެދިފައި ވަނީ މައްސަލަ ބާޠިލް ކުރަން ކަމުގައި ވާއިރު، މި ނުކުތާގައި ސުޕްރީމް ކޯޓުގައި އެދިފައި ވަނީ ހެކީން ހާޒިރު ކޮށްގެން މައްސަލަ ބެލުމަށް ތަޙުވީލު ކޮށްދިމަށް ކަމަށެވެ.

9.3. މައްސަލަ އަލުން ބެލުމަށް ސިވިލް ކޯޓަށް ތަޙުވީލު ކޮށްދިނުމަށް ހައިކޯޓުގައި އެދިފައި ނުވާއިރު ސިވިލް ކޯޓަށް ތަޙުވީލުކުރަންޖެހޭ ސަބަބެއް ދައުލަތަށް ސާފުނުވާ ކަމަށެވެ.

ގޮތް ކަނޑައަޅަންޖެހޭ ނުކުތާ

10މި މައްސަލައިގައި ދެފަރާތުން ހުށަހެޅި ހުށަހެޅުން ތަކަށާއި ޝަރީޢަތުގައި ދެއްކި ވާހަކަތަކަށް ރިޢާޔަތް ކުރާއިރު، މައިގަނޑު ގޮތެއްގައި ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަން ޖެހެނީ އަންނަނިވި ނުކުތާތަކުގެ މައްޗަށެވެ. އެއީ:

10.1. ސިވިލް ކޯޓަށް އާދަމް އިޔާޒުގެ ފަރާތުން ހުށަހެޅި ހެކީންގެ ހެކިބަސް ނަގާފައި ނުވާ ސަބަބާ ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުން ބިނާކޮށްފައި ވަނީ ޤާނޫނީ އުޞޫލަކާ ޚިލާފަށްތޯ؛

10.2. ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފުރަތަމަ ނިންމި ނިންމުމާ އެއްގޮތަށް ޢަމަލު ނުކުރުމަކީ މި މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ޤާނޫނީ އުޞޫލަކާ ޚިލާފު ކަމެއްތޯ؛

10.3. މައްސަލައިގެ އަޑުއެހުންތައް ނިމުނު ފަހުން އާދަމް އިޔާޒުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނިންމުމަށް މި މައްސަލައިގައި ރިޢާޔަތް ކުރެވިދާނެތޯ؛ މިއެވެ.

ދަށުކޯޓަށް ހުށަހެޅި ހެކީންނަށް ރިޢާޔަތް ނުކުރުން

11އާދަމް އިޔާޒު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުލުހުންގެ ޑިސިޕްލިނަރީ ކޮމިޓީއިން ހިންގި ތަޙުޤީޤު ހިންގާފައިވަނީ ރަނގަޅަށް ނޫންކަމަށް އާދަމް އިޔާޒު ބުނެއެވެ. މި ކަން ސާބިތުކޮށްދިނުމުގެ ގޮތުން ސިވިލް ކޯޓަށް ހުށަހެޅި ހެކީން އެކޯޓަށް ހާޒިރު ނުކުރުމަށް ނިންމި ނިންމުމުން، އެ މައްސަލައިގައި އެކޯޓުގެ ނިންމުމަށް އަސަރުކުރާނެ ކަމަށް ނުބެލެވޭ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ޤާނޫނުއަސާސީ ގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދޭ އިންސާފުން ޝަރީޢަތްކުރުމުގެ ޙައްޤަށް އުނިކަން އަންނަގޮތަށް، އަދި ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ، މައްސަލައެއްގައި ޚަޞްމަކު ހާޒިރުކޮށްދިނުމަށް އެދޭ ހެކީން ނުވަތަ ހުށަހަޅާ ހެއްކަކަށް ރިޢާޔަތް ނުކުރާން ނިންމާނަމަ އޭގެ ސަބަބު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކުރަން ވާނެ ކަމަށް ބަޔާންކުރާ އުޞޫލާއި ޚިލާފުވާގޮތަށް، އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާއާ ޚިލާފަށްކަމަށް އާދަމް އިޔާޒުގެ ފަރާތުން ފާހަގަކުރެއެވެ.

12ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ،

42(ހ) ކޮންމެ މީހެއްގެމެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި، ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންޞާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. (ށ) ދިވެހިރާއްޖޭގައި ހިންގާ އެންމެހައި ޝަރީޢަތްތައް ހިންގާންވާނީ ޢަދުލުވެރިކަމާއެކު، ވަކި ފަރާތަކަށް ނުޖެހި، ހާމަކަމާއެކުގައެވެ.

(ނ) ޝަރީޢަތްތައް ހިންގާންޖެހެނީ ޢާންމުކޮށް ހުޅުވައިލައިގެން ކަމުގައިވީ ނަމަވެސް ތިރީގައިވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި، ދީމިޤްރާޠީ އުޞޫލުތަކާ ޚިލާފުނުވާނޭ ގޮތެއްގެމަތީން، ޝަރީޢަތެއް އެކުގައި، ނުވަތަ ޝަރީޢަތަކުން ބައެއް، ޢާންމުކޮށް ހުޅުވައިނުލައި ކުރިއަށް ގެންދިއުމުގެ އިޚްތިޔާރު އެ ޝަރީޢަތެއް ކުރާ ފަނޑިޔާރަކަށް ލިބިގެންވެއެވެ.

1. މުޖްތަމަޢުގެ އަޚްލާޤީ އުޞޫލުތައް ހިފެހެއްޓުން، ނުވަތަ މުޖްތަމަޢުގެ އަމަންއަމާންކަން ޤާއިމްކުރުން، ނުވަތަ ދިވެހިރާއްޖޭގެ ޤައުމީ ސަލާމަތަށް ބުރޫއެރިޔަ ނުދިނުން.

2. ހުށަހެޅިފައިވާ މައްސަލައެއްގައި ކުޑަކުދީންގެ މަޞްލަޙަތު ޙިމާޔަތްކުރުން، ނުވަތަ މީހަކު ކުރި ކުށެއްގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތެއްގެ މަޞްލަޙަތު ރައްކާތެރިކުރުން.

3. ޢާންމުކޮށް ހުޅުވައިލައިގެން ޝަރީޢަތް ހިންގައިފިނަމަ، ޢަދުލު އިންޞާފު ޤާއިމްކުރުމަށް އެޅިދާނެ ހުރަހަކުން މިންޖުވުން.

(ރ) މި މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ސަބަބުތަކުންކުރެ ސަބަބަކަށްޓަކައި އެހެން ގޮތަކަށް ކޯޓުން ކަނޑައަޅައިފައި ނުވާނަމަ، ކޯޓުތަކުން ނެރޭ ހުރިހައި އަމުރުތަކާއި ޙުކުމްތައް އިއްވާން ވާނީ ޢާންމުކޮށް ހުޅުވައިލެވިފައިވާ މަޖިލީހެއްގައެވެ. އަދި ހުޅުވައިލެވިގެން ބޭއްވޭ ޝަރީޢަތުގެ މަޖިލިސްތަކުން ނެރޭ ކޯޓުގެ އަމުރުތަކާއި ކުރާ ޙުކުމްތައް ބޭނުންވާ ފަރާތްތަކަށް ފެންނާން ހުންނާންވާނެއެވެ.

މިފަދައިންނެވެ.

13އަދި ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ،

143(ހ) ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި ސުޕްރީމް ކޯޓަށެވެ.

(ށ) ކޮންމެ ކޯޓެއްގައިވިޔަސް، ބަލަމުންދާ މައްސަލައެއްގައި ޤާނޫނުއަސާސީ މާނަކުރާން ޖެހިއްޖެނަމަ އެ މައްސަލައަކާ ގުޅޭގޮތުން އެ ކޯޓަކުން ޤާނޫނުއަސާސީ މާނަކުރުމަކީ މި މާއްދާގެ (ހ) އާ ތަޢާރުޟްވާ ކަމެއް ނޫނެވެ. (ނ) ކޮންމެ ކޯޓަކަށްމެ އެ ކޯޓެއް ހިމެނޭ މަރުޙަލާއަށްވުރެ ދަށު މަރުޙަލާއެއްގެ ކޯޓަކުން ނިންމާ ނިންމުން ބަދަލުކުރުމުގެ ބާރު ލިބިގެންވެއެވެ. (ރ) މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާން ވާނެއެވެ.

މިފަދައިންނެވެ.

14ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "ފަނޑިޔާރުންގެ ނިންމުންތައް ނިންމުމުގައި ފަނޑިޔާރުން ޢަމަލުކުރާނީ ޤާނޫނުއަސާސީއާއި ޤާނޫނަށެވެ. ޤާނޫނުއަސާސީއާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅާފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައަޅާފައިވާ ގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަން ވާނެއެވެ." މިފަދައިންނެވެ.

އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، "މި މާއްދާގެ (ހ) ގައިވާ ގޮތުގެމަތިން، ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އަންނަނިވި ކަންކަމަށް ފަނޑިޔާރުން ރިޢާޔަތްކުރަން ވާނެއެވެ."

މިފަދައިންނެވެ. އަދި ފަނޑިޔާރުންގެ ޤާނޫނުގެ 5 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވަނީ، "މައްސަލައިގައި ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ" މިފަދައިންނެވެ.

15HN1ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޤަޟިއްޔާގައި ޚަޞްމުން ހާޒިރުކޮށްދިނުމަށް އެދޭ ހެކީން ޝަރީޢަތަށް ހާޒިރުކޮށްދެވެން ނެތްނަމަ ކޯޓުން ޢަމަލުކުރަންޖެހޭ އުސޫލު ބަޔާންކޮށްފައި ވެއެވެ. މިގޮތުން، އެ ޤަޟިއްޔާގައި ބަޔާންކޮށްފައި ވަނީ، "މައްސަލައެއްގައި ޚަޞްމުން ހާޒިރުކޮށްދިނުމަށް އެދޭ ހެކީން، ނުވަތަ ޚަޞްމުން ހުށަހަޅާ އެއްވެސް ހެއްކަކަށް މައްސަލަ ބަލައި ފަނޑިޔާރުން ރިޢާޔަތް ނުކުރަން ނިންމާނަމަ، ރިޢާޔަތް ނުކުރަން ނިންމި ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރަންވާނެ ކަމަށް މީގެ ކުރިންވެސް ދިވެހިރާއްޖޭގެ އިސްތިއުނާފީ ކޯޓުތަކުން ކަނޑައަޅާފައި ވެއެވެ. އެހެނީ، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ފަނޑިޔާރުންވެސް ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމަށް އިސްކަންދޭން ޖެހެއެވެ. ދެފުށް ފެންނަ ގޮތަށް ޢަމަލުކުރުމުގައި ފަނޑިޔާރު ވަކި ނިންމުމަކަށް ވާސިލުވި ސަބަބު މައްސަލައިގެ ޚަޞްމުންނަށް ސާފުކޮށްދޭން ޖެހެއެވެ. ސާފުކޮށް ނުދިނުމުގެ ނަތީޖާއެއްގެ ގޮތުން، އިސްތިއުނާފީ މަރުޙަލާ ތަކުގައި ވެސް ބޭކާރު ގޮތުގައި މައްސަލަ ދިގުލައިގެން ގޮސް، އިންސާފު ޤާއިމްކުރުމަށް ހުރަސް އެޅުންފަދަ ކަންކަން މައްސަލައިގެ ޚަޞްމުން ތަޙައްމަލު ކުރުމުގެ ބިރު އޮތްކަން ފާހަގަކުރެވެއެވެ." މިފަދައިންނެވެ.

16އާދަމް އިޔާޒުގެ ފަރާތުން ސުޕްރީމް ކޯޓުގައި އުފެއްދި މައިގަނޑު ޚުޞޫމާތަކީ، ހައިކޯޓުގެ ނިންމުމުގައި، ދަށުކޯޓަށް އޭނާ ހުށަހެޅި ހެކީން ހާޒިރު ނުކުރުމަށް ނިންމި ނިންމުން ރަނގަޅުކަމަށް ކަނޑައެޅި ކަނޑައެޅުން ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމެވެ.

17މިގޮތުން، އާދަމް އިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެކަށީގެންވާ ތަޙުޤީޤެއްކޮށްފައި ނެތްކަން ސާބިތުކޮށްދިނުމުގެ ގޮތުން ދަށުކޯޓަށް ހުށަހެޅި ހެކީން ހާޒިރު ނުކުރާން ނިންމި ނިންމުން ރަނގަޅުކަމަށް، ހައިކޯޓުގެ ނަންބަރު 2020/HC-A/186 ޤަޟިއްޔާގައި ކަނޑައަޅާފައިވާނީ، ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޤަޟިއްޔާއަށް ރިޢާޔަތް ކޮށްގެނެވެ. އެގޮތުން ހައިކޯޓުގެ ނަންބަރު 2020/HC-A/186 ޤަޟިއްޔާގައި ބަޔާންކުރެވުނު އުޞޫލާ ހަވާލާދީ ފާހަގަކޮށްފައިވަނީ، "ފުލުހަކު ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި ކޯޓުން ބަލަންޖެހޭނީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ނިންމުމަށް އެ ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނެ ހެކި، އެ ބޯޑުގެ ކުރިމަތީގައި އެވަގުތު އޮތްތޯ ނުވަތަ ނޫންތޯކަމާއި، އަދި ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްކަމަށް ބޯޑަށް ޤަބޫލުކުރެވުނު ޙަޤީޤަތް ދެނެގަތުމަށް ބޯޑުން އެކަށީގެންވާ ތަޙުޤީޤެއް ކޮށްފައިވޭތޯ ކަމަށްވާއިރު، އާދަމް އިޔާޒުގެ ފަރާތުން ހުށަހަޅާފައިވާ ހެކީންނަކީ ބޯޑުން ހިންގި ތަޙުޤީޤުގައިވެސް ހެކިބަސް ނަގާފައިވާ ފަރާތްތައް ކަމަށްވެފައި، އާދަމް އިޔާޒު ހިންގާފައިވާ މުޢާމަލާތްތައް ހިންގުމުގައި ފައިނޭންސް ޑިޕާޓްމަންޓާއި މަޝްވަރާކޮށްފައި ނުވާކަމުގައި ތަޙުޤީޤަށް މަޢުލޫމާތު ދީފައިވާ ފަރާތްތަކެވެ. ބޯޑުގެ ނިންމުމަށް ބަލާއިރު، އާދަމް އިޔާޒުގެ ފަރާތުން ހުށަހަޅާފައިވާ ހެކީން ކޯޓަށް ހާޒިރުކުރި ނަމަވެސް، އެ ހެކީންގެ ހެކިބަހަށް ދެވޭނެ މާބޮޑު ބުރަދަނެއް އޮންނާނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ." މިފަދައިންނެވެ.

18އެހެންކަމުން، މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ކުރިމަތީގައި އޮތް މައިގަނޑު ސުވާލަކީ، ސިވިލް ކޯޓަށް ހާޒިރު ކޮށްދިނުމަށް އާދަމް އިޔާޒު އެދުނު ހެކީން އެ ކޯޓަށް ހާޒިރުކޮށްފައި ނުވުމާ ގުޅޭގޮތުން ހައިކޯޓުން ނިންމި ނިންމުން ބަދަލުކުރަން ޖެހޭތޯއެވެ. މިގޮތުން، ދަށުކޯޓަށް ހުށަހެޅުނު ހެކީން ކޯޓަށް ހާޒިރުކުރިނަމަވެސް، އެ ހެކީންގެ ހެކިބަހަށް ދެވޭނެ މާބޮޑު ބުރަދަނެއް އޮންނާނެކަމަކަށް ހައިކޯޓަށް ޤަބޫލު ނުކުރެވުނު ސަބަބަކީ، އެ ހެކީންނަކީ ބޯޑުން ހިންގި ތަޙުޤީޤުގައި ވެސް ހެކިބަސް ނަގާފައިވާ ފަރާތްތައް ކަމަށްވެފައި، ފައިނޭންސް ޑިޕާޓްމަންޓާއި އާދަމް އިޔާޒު މަޝްވަރާކޮށްފައި ނުވާކަމުގައި ތަޙުޤީޤަށް އެ ޑިޕާޓްމަންޓުގެ އިސްވެރިން މަޢުލޫމާތު ދީފައިވުމެވެ.

19ސިވިލް ކޯޓަށް އާދަމް އިޔާޒުގެ ފަރާތުން ހުށަހެޅި ހެކީންގެ ލިސްޓްގައި 8 (އަށެއް) ފަރާތެއް ބަޔާންކޮށްފައި ވާކަން ސިވިލް ކޯޓުގެ ރިޕޯޓުން އެނގެން އޮވެއެވެ. އަދި ހުށަހެޅި ހެކީންގެ ހެކިބަސް ސިވިލް ކޯޓުން ނަގާފައި ނުވުމާ ގުޅޭގޮތުން ހައިކޯޓުގެ ޝަރީޢަތުގައި ދައުލަތުން ރައްދުގައި ދެއްކި ވާހަކަތަކުގައި، ދެ ފަހަރެއްގެ މަތިން އާދަމް އިޔާޒުގެ ފަރާތުން ހާޒިރު ކޮށްދިނުމަށް އެދުނު ހެކީންނަކީ ޑިސިޕްލިނަރީ ބޯޑަށް ހެކިބަސްދީ ބަޔާންތައް ދީފައިވާ ފަރާތްތަކެއް ކަމަށް ބުނެފައިވެއެވެ. ސިވިލް ކޯޓަށް ހުށަހެޅި ހެކީން ހާޒިރުކޮށް ދިނުމަށް އެދުނު ސަބަބުގެ ގޮތުގައި ހައިކޯޓުގައި އާދަމް އިޔާޒު ފާހަގަކޮށްފައި ވަނީ، ތަޙުޤީޤަށް ބަޔާންދިން ފަރާތްތަކުގެ ބަޔާނުގައި ހުރި އެއްޗެއްގެ ޞައްޙަކަން ކަށަވަރުކުރުމެވެ.

20މި މައްސަލައިގައި އާދަމް އިޔާޒުގެ މައްޗަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ފިޔަވަޅު އެޅި ތުހުމަތަކީ ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދުތަކާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުން މިބާވަތުގެ ކަންކަމުގައި ޢާންމުކޮށް ޢަމަލުކުރާ އުޞޫލުތަކުގެ ބޭރުން އާދަމް އިޔާޒު ޢަމަލުކޮށްފައިވުމެވެ.

21HN3ފުލުހަކު ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތައް ސާބިތުކުރުމުގައި ބަލާނެ މިންގަނޑު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޢަލީ ނަޝީދު ޤަޟިއްޔާގައި ބަޔާން ކޮށްފައިވެއެވެ. މިގޮތުން އެ ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ، "ފުލުހަކު ވަޒީފައިން ވަކިކުރާ ހާލަތުގެ މައްޗަށް ހިނގަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާ އާންމު ހަމަތަކާއި މިންގަނޑުތައް ނޫންކަން އެނގެއެވެ. އެގޮތުން ފުލުހުންނަކީ، ހުވައެއްމަތީގައި ތިބެ، ގާނޫނު ތަންފީޒުކޮށް އަމަން ބަލަހައްޓާ މުއައްސަސާއެއްގައި މަސައްކަތްކުރާ ބަޔަކު ކަމަށްވާތީ، ގާނޫނު ތަންފީޒުކުރުމާއި އަމަން ބެލެހެއްޓުމާ ގުޅޭކަންކަމުގައި ފުލުހުންގެ މުއައްސަސާއަށް އެއްބާރުލުން ދިނުމާއި ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބުކަމަށްވާއިރު، އެ ވާޖިބާ ފުށުއަރާފަދަ ގޮތަކަށް ފުލުހެއްގެ އަމަލު ހުރެއްޖެނަމަ، އެކަމުގެ ސަބަބުން މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރަށް ބުރޫ އެރުމަކީ އެކަށީގެންވާ ކަމެއްކަމަށް ވާތީވެ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވޭތޯ ބެލުމުގައި ރިއާޔަތްކުރާނޭ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ އާންމު ގާނޫނުގެ ދަށުން ރިއާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ."

މިފަދައިންނެވެ. މި އުޞޫލަކީ ސިވިލް ކޯޓުން މި މައްސަލައިގައި ޙުކުމް ކުރިއިރުވެސް، ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލެކެވެ.

22މި މައްސަލައިގައި، ސިވިލް ކޯޓަށް ހުށަހަޅާފައިވާ ލިޔުންތަކުގެ ތެރޭގައި، އާދަމް އިޔާޒުގެ މައްޗަށް ތުހުމަތު ކުރެވުނު، މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންކަން ކޮށްފައި ވާކަމާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުން މިބާވަތުގެ ކަންކަމުގައި ޢާންމުކޮށް ޢަމަލުކުރާ އުޞޫލުތަކުގެ ބޭރުން އާދަމް އިޔާޒު ޢަމަލުކޮށްފައި ވާކަން، ސާބިތުކޮށްދިނުމުގެ ގޮތުން ފުލުހުންގެ އިސްތިއުނާފު ކޮމިޓީއަށް ބަޔާންދިން ފަރާތްތައް ކަމަށްވާ، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދުގެ ބަޔާނާއި، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ރިޓަޔާރޑް ޙުސައިން އާދަމްގެ ބަޔާނާއި، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޒީމް ވަޙީދުގެ ބަޔާން އަދި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝަހީމްގެ ބަޔާން ހުށަހަޅާފައިވެއެވެ. އަދި މީގެ އިތުރުން ސ. ސަރޖަންޓް ޔޫނުސް ޢާރިފްގެ ބަޔާން ހުށަހަޅާފައިވެއެވެ.

23އަދި އާދަމް އިޔާޒު ސޮއިކޮށް، ޕޮލިސް 20 ނަންބަރު ލޯންޗުގެ މަރާމާތުގެ މަސައްކަތް ކުރުމަށް ދާނެ ޚަރަދުގެ ފައިސާ ސްރީލަންކާގެ "ޑީމޯ ޕްރައިވެޓް ލިމިޓެޑް" ކުންފުނީގެ އިންވޮއިސްގައިވާ އެކައުންޓަށް ޖަމާކުރެވޭނެގޮތް ހަމަޖެއްސުމަށް އެދި، އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް އަށް 15 ނޮވެންބަރު 2015 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފޮނުވި ސިޓީ އާއި، އާދަމް އިޔާޒު ސޮއިކޮށް، ޕޮލިސް 20 ނަންބަރު ލޯންޗު ޓަގެއްގައި ކަފުޖަހައިގެން މ. މުލި އިން ކ. ދޫނިދޫއަށް ގެނައުމަށް ދިޔަ ޚަރަދުގެ ބިލުގެ ފައިސާ "އިންޓްރޯ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ގެ ބޭންކް އޮފް މޯލްޑިވްސްގެ އެކައުންޓަށް ޖަމާ ކޮށްދިނުމަށް އެދި އެލައިޑް އިންޝުއަރެންސް ކޮމްޕެނީ އޮފް މޯލްޑިވްސް އަށް 14 ޑިސެންބަރު 2015 ގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފޮނުވި ނަންބަރު 171-P3/PVT/2015/25 ސިޓީ ހިމެނެއެވެ.

24ސުވާލަކީ، އާދަމް އިޔާޒު ވަޒީފާއިން ވަކިކުރެވުނު ސަބަބު ސާބިތުކޮށްދިނުމުގެ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހުށަހެޅި މަތީގައި ބަޔާންކުރެވުނު ލިޔުންތައް ކޯޓަށް ހުށަހެޅިފައިވުމާ އެކުވެސް، އަދި އާދަމް އިޔާޒުގެ ފަރާތުން ހުށަހެޅި ހެކީންގެ ތެރެއިން ގިނަބަޔަކު ޑިސިޕްލިނަރީ ބޯޑަށް ހާޒިރުވެ ބަޔާންކުރެވުނު ޑޮކިއުމަންޓުތަކަށް ބާރުލިބޭގޮތަށް ބަޔާންދީފައިވުމާ އެކުވެސް، އާދަމް އިޔާޒުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ޝަފަހީ ހެކީން ކޯޓުން ބަލައިގަނެފައި ނުވާތީއާއި، ބަލައި ނުގަތް ސަބަބު ދަށު ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައި ނުވާތީ، އެ ސަބަބަށް ރިޢާޔަތްކޮށް މި ނުކުތާގައި ހައިކޯޓުން ނިންމި ނިންމުން ބާޠިލުކޮށް އާދަމް އިޔާޒުގެ ފަރާތުން އެދިފައިވާގޮތަށް މި މައްސަލަ އަލުން ބެލުމަށް ތަޙުވީލު ކުރަން ޖެހޭތޯއެވެ؟

25ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް ޕްރައިވެޓް ލިމިޓެޑް ވ. ސަޢީދާ މޫސާ ޤަޟިއްޔާގައި ކޯޓަށް ހުށަހެޅޭ ހެއްކާ ގުޅޭގޮތުން ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފެޑެރަލް ރޫލްސް އޮފް އެވިޑެންސްގެ ދަށުން އެގައުމުގެ ކޯޓުތަކުން ހެއްކަށް ރިޢާޔަތް ކުރާގޮތުގެ މިސާލު ބަޔާން ކޮށްދެއްވަމުން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުގައި ފާހަގަކުރައްވާފައިވަނީ، "ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ފެޑެރަލް ރޫލްސް އޮފް އެވިޑެންސްގެ ދަށުން ފެޑެރަލް ޓްރައިއަލް ކޯޓުތަކުގައި މަދަނީ އަދި ޖިނާއީ މައްސަލަތަކުގައިވެސް ހެކި ހުށަހެޅުމާ ގުޅޭ ކަންކަން ތަންޒީމުކުރެއެވެ. އެގޮތުން، ރޫލް 403 ގެ ދަށުން ކޯޓަށް ހުށަހެޅޭ ހެއްކަށް ރިޢާޔަތް ނުކުރަން ނިންމުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. ކޯޓަށް ހުށަހެޅޭ ހެއްކަކީ މައްސަލައާ ގުޅުންހުރި ހެކި ނަމަވެސް، ރޫލް 403 ގެ ދަށުން ވަކި ގޮތަކަށް ކަންކަން ޤަބޫލުކުރާކަމުގެ ބިރަށްޓަކައި (prejudice)، ނުވަތަ މައްސަލައާ މެދު އޮޅުން އަރާފާނެކަމަށްޓަކައި، ނުވަތަ މައްސަލަ ދިގުލައިގެން ގޮސްދާނެކަމަށްޓަކައި، ނުވަތަ ވަގުތު ބޭކާރުވާނެކަމަށްޓަކައި، ނުވަތަ ބޭނުންތެރިކަން ނެތް ގޮތަކަށް މައްސަލައާގުޅޭ އެތައް ބައިވަރު ހެކި ހުށަހެޅުންފަދަ މިނޫންވެސް އެހެނިހެން ސަބަބުތަކަށްޓަކައި، މައްސަލައާ ގުޅޭ ހެއްކަށް ރިޢާޔަތް ނުކުރަން ނުވަތަ އެއްފަރާތް ކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެންވެއެވެ. އެހެންކަމުން ދިވެހިރާއްޖޭގައިވެސް މިފަދަ ބާރުތަކެއް ކަނޑައެޅިގެން ޤާނޫނަކުން ކޯޓުތަކަށް ލިބިދެވިފައިނެތް ނަމަވެސް، ކޯޓުތަކުގެ ކޭސް މެނޭޖްމަންޓުގެ ތެރޭގައި ހެއްކަށް ރިޢާޔަތް ނުކުރަން ނުވަތަ ހެކީން ހާޒިރުނުކުރަން ނިންމާފައިވެއެވެ. އަދި މިފަދަ ނިންމުންތަކުގެ ނަތީޖާއަކީ ހެކި ހާޒިރުކުރުމަށް އެދޭ ޚަޞްމެއްގެ ޙައްޤު ގެއްލުނީ ކަމުގައި ބަލަންޖެހޭ ސަބަބެއް ނޫންކަންވެސް ދުނިޔޭގެ އެކި ޤައުމުތަކުގައި ޢަމަލުކުރަމުން އަންނަ ގޮތަށް ބެލުމުން އެނގެއެވެ. ސުވާލަކީ މައްސަލައެއްގައި ހެއްކަކު ހާޒިރުނުކުރަން ނިންމި ނިންމުން ބިނާވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްތޯ ނުވަތަ ނޫންތޯއެވެ."

މިފަދައިންނެވެ.

26ޙަވާލާދެވުނު މެރީޑިއަމް ސަރވިސަސް މައްސަލައަކީވެސް، އާދަމް އިޔާޒުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅާފައިވާ މި މައްސަލައެކޭ އެއްފަދައިން ކޯޓަށް ހާޒިރުކޮށްދިނުމަށް އެދުނު ހެކީން ހާޒިރު ކޮށްދީފައި ނުވާތީއާއި ހެކީން ހާޒިރު ނުކުރުމަށް ނިންމި ސަބަބު ބަޔާންކޮށްފައި ނުވާތީ އެ މައުޟޫޢުގައި ބެލުނު މައްސަލައެކެވެ. ބަޔާންކުރެވުނު މެރީޑިއަމް މައްސަލައިގައިވެސް ނިންމާފައިވަނީ އެ ފަރާތުން ހުށަހަޅާފައިވާ ހެކީން ކޯޓަށް ހާޒިރުކުރި ނަމަވެސް، އެ ހެކީންގެ ހެކިބަހަށް ދެވޭނެ މާބޮޑު ބުރަދަނެއް އޮންނާނެކަމަށް ޤަބޫލު ނުކުރެވޭތީ، ހައިކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭފަދަ ޤާނޫނީ ސަބަބެއް ނެތްކަމަށެވެ.

27ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މެރީޑިއަމް ސަރވިސަސް މައްސަލައިގައި ވެސް ފާހަގަކޮށްފައިވާ ފަދައިން އިންޞާފާ އެންމެ ގާތްގޮތަކީ، މައްސަލައެއްގައި ޚަޞްމުން ހާޒިރުކޮށްދިނުމަށް އެދޭ ހެކީންނަށް ފަނޑިޔާރުން ރިޢާޔަތް ނުކުރަން ނިންމާނަމަ، ރިޢާޔަތް ނުކުރަން ނިންމި ސަބަބު ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ފާހަގަކުރުމެވެ.

28HN2އެހެންކަމުން މެރީޑިއަމް ސަރިވިސަސް މައްސަލަ އެކުއެކީ ކިޔާލުމުން އަހުރެންނަށް ދޭހަވީ، ދަށު ކޯޓަށް ހުށަހެޅުނު ހެކީންނަށް ފަނޑިޔާރު ރިޢާޔަތް ނުކުރި ސަބަބު ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ހިމަނާފައި ނުވުމަށް އެކަނި ރިޢާޔަތްކޮށް، އެ މައުޟޫޢުގައި މައްސަލަ ބެލުމަށް ދަށުކޯޓަށް މައްސަލަ ތަޙުވީލު ކުރުން، ނުވަތަ މައްސަލަ ބާޠިލު ކުރުންފަދަ ފިޔަވަޅެއް އެޅޭނީ، ދަޢުވާ ސާބިތުކުރުމުގައި ނުވަތަ މި މައްސަލައިގައި ނަމަ، ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭތޯ ބެލުމުގައި އެ ހެކީންގެ ހެކިބަހަށް ދެވޭނެ ޤާނޫނީ ބުރަދަން ނުވަތަ ހާޒިރުކުރަން އެދުނު ހެކީން ހާޒިރުކުރިނަމަ، މައްސަލައިގެ ނަތީޖާއަށް ކުރާނެ އަސަރަކީ ނުވަތަ އަންނާނެ ބަދަލަކީ ކޮބައިކަން ހެކީން ހާޒިރު ކޮށްދިނުމަށް އެދުނު ފަރާތަށް ދައްކުވައިދެވޭ ޙާލަތުގައި ކަމެވެ.

އުޞޫލު ތަޠުބީޤު ކުރުން

29މަތީގައި ބަޔާންކުރެވުނު އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، މި މައްސަލައިގައި އާދަމް އިޔާޒުގެ ފަރާތުން ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް އެދުނު ހެކީންނާއި އެ ހެކީން ހާޒިރު ކޮށްދިނުމަށް އެދުނު ސަބަބުތައް ތިރީގައި އެވަނީއެވެ.

ޙުސައިން އާދަމް: ޕޮލިސް 20 ނަންބަރު ލޯންޗު ފަރަށް އަރައި ދިމާވި ހާދިސާއާ ގުޅިގެން (އާދަމް އިޔާޒު) ރިޕޯޓު ކުރަންޖެހޭ އެންމެ އިސްފަރާތަކީ ޙުސައިން އާދަމް ކަމަށްވާތީއާއި، އެކަމާއި ގުޅިގެން ކުރަންޖެހުނު ހުރިހާ މަޝްވަރާއެއް ޙުސައިން އާދަމް އާއި ކޮށްފައިވާކަމާއި، (އާދަމް އިޔާޒު) އެހެން ފަރާތަކަށް މަންފާ ހޯދަދިނުމަށް މަސައްކަތެއް ކޮށްފައި ނުވާކަން ސާބިތުކުރުމަށް.

އަޙްމަދު މުޙައްމަދު: ޕޮލިސް 20 ނަންބަރު ލޯންޗު ފަރަށް އެރީންސުރެ، މަރާމާތުކޮށްގެން ގެންނަންދެން ކުރަންޖެހުނު ހުރިހާ މުޢާމަލާތެއް މެރިން ޕޮލިސްގެ ހެޑްގެ ހައިސިއްޔަތުން (އާދަމް އިޔާޒު) ކޮށްފައިވަނީ ފައިނޭންސް ޑިޕާޓްމަންޓް ހިމެނޭ ޑައިރެކްޓްރޭޓް ހެޑަކަށް ހުންނެވި އަޙްމަދު މުޙައްމަދުއާ މަޝްވަރާކޮށްގެންކަމާއި، އެއްވެސް ފަރާތަކަށް މަންފާއެއް ހޯދަދިނުމަށް (އާދަމް އިޔާޒު) މަސައްކަތްކޮށްފައި ނުވާކަން ސާބިތުކުރުމަށް.

ޢަޒީމް ވަޙީދު: ޕޮލިސް 20 ނަންބަރު ލޯންޗުގެ މުޢާމަލާތްތައް ކޮށްފައިވަނީ ފައިނޭންސް ޑިޕާޓްމަންޓާއި މަޝްވަރާކޮށްގެން ކަމާއި (އާދަމް އިޔާޒު) އިތުރު ފަރާތަކަށް މަންފާއެއް ހޯދަދިނުމަށް މަސައްކަތްކޮށްފައި ނުވާކަން ސާބިތުކުރުމަށް.

ޙަމްދޫން ރަޝީދު: ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އާދަމް އިޔާޒު) ވަޒީފާއިން ވަކިކޮށްފައިވަނީ އުޞޫލުތަކުން ބޭރުންކަމަށް ކަނޑައަޅައި ނިންމުމާއި ގުޅިގެން (އާދަމް އިޔާޒު) އަށް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުގެ ފުރުޞަތު ދެއްވުމަށް (އޭރުގެ) ހޯމް މިނިސްޓަރ އެންގެވިކަމާއި، (އާދަމް އިޔާޒު) ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމިއިރު، އެ ބޯޑުގެ މެންބަރެއްގެ ގޮތުގައި ޙަމްދޫން ރަޝީދު އިންނެވީތީ ޑިސިޕްލިނަރީ ބޯޑުން (އާދަމް އިޔާޒު) ވަޒީފާއިން ވަކިކޮށްފައިވަނީ އެހެންފަރާތަކަށް މަންފާއެއް ހޯދަދިނުމަށް މަސައްކަތް ކޮށްފައި ވާތީ ނޫންކަން ސާބިތުކުރުމަށް.

ޔޫނުސް ޢާރިފް އާއި މުޙައްމަދު ޝާފިޢު: ރޮމެކާ 4 އަށް އެފްއެސްއެމް އިން އަޅަފައިވާ 6500 ލީޓަރުގެ ތެޔޮ، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް އަނބުރާ ލިބިފައިވާކަމާއި ޕޮލިސް 20 ނަންބަރު ލޯންޗު މަރާމާތުކުރުމަށް އެލައިޑު އިންޝުއަރެންސް މެދުވެރިކޮށް ޙަވާލުކުރުމުގައި އެއްވެސް ފަރާތަކަށް މަންފާއެއް ހޯދައިދިނުމަށް (އާދަމް އިޔާޒު) މަސައްކަތްކޮށްފައި ނުވާކަން ސާބިތުކުރުމަށް.

އިބްރާހީމް ނައުފަލް: ދައުލަތުން ޖަވާބު ފޯމާއެކު އެގްޒިބިޓް 6 ގެ ގޮތުގައި ހުށަހަޅާފައިވާ ސިޓީ ލިޔެފައިވަނީ ނައުފަލްކަމާއި މެރިން ޕޮލިސްގެ އިދާރީ ކަންތައްތަކާއި ލިޔެކިޔުންތަކާއި ޙަވާލުވެހުރީ އިބްރާހީމް ނައުފަލް ކަމަށްވާތީ، ބަޔާންކުރެވުނު ސިޓީ ނަންބަރު ނުޖަހާ ފޮނުވާފައިވަނީ (އާދަމް އިޔާޒު) އޮޅުވާލުމުގެ މަޤުޞަދުގައި ނޫންކަމާއި، ޕޮލިސް 20 ނަންބަރު ލޯންޗުގެ ތުހުމަތުކުރެވޭ މުޢާމަލާތާ ގުޅިގެން މެރިން ޕޮލިސް އިން އިދާރީ ގޮތުން ކުރެވުނު ހުރިހާ މުޢާމަލާތެއް އެނގޭނެ ފަރާތަކީ އިބްރާހީމް ނައުފަލް ކަމަށްވާތީ، (އާދަމް އިޔާޒު) ގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ ދޮގު ތުހުމަތުތަކެއްކަން ސާބިތުކުރުމަށް.

އައްޝައިޚު އިމްރާން ޢަބްދުﷲ: ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އާދަމް އިޔާޒު) ވަޒީފާއިން ވަކިކޮށްފައިވަނީ އުޞޫލުތަކުން ބޭރުން ކަމަށް ކަނޑައަޅައި ނިންމުމާއި ގުޅިގެން (އާދަމް އިޔާޒު) އަށް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުގެ ފުރުޞަތު ދެއްވުމަށް އެންގެވިކަމާއި އެގޮތަށް އަންގަވާފައިވަނީ (އާދަމް އިޔާޒު) އެހެން ފަރާތަކަށް މަންފާއެއް ހޯދަދިނުމަށް މަސައްކަތްކޮށްފައި ނުވާކަން މިނިސްޓަރަށް ޤަބޫލުކުރެވޭތީކަން ސާބިތުކުރުމަށް.

30HN4މަތީގައި ބަޔާންކުރެވުނު ހެކީންގެ ތެރެއިން ޙަމްދޫން ރަޝީދުއާއި އިބްރާހީމް ނައުފަލް އާއި މުޙައްމަދު ޝާފިޢު އަދި އައްޝައިޚު އިމްރާން ޢަބްދުﷲ ފިޔަވައި ހެކީންގެ ލިސްޓްގައި ދެންތިބި ފަރާތްތަކުގެ ބަޔާން މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އާދަމް އިޔާޒުގެ ފަރާތުން ހެކީން ހުށަހެޅި ސަބަބު މައިގަނޑު ގޮތެއްގައި ބިނާވެފައިވަނީ ވަކި ފަރާތަކަށް އާދަމް އިޔާޒު މަންފާ ހޯދަދިނުމަށް މަސައްކަތް ކޮށްފައި ނުވާކަން ސާބިތުކޮށްދިނުމުގެ މައްޗަށްކަން ހެކީން ހުށަހެޅި ސަބަބަށް ބެލުމުން އެނގެއެވެ.

31މި މައްސަލަ ދަށުކޯޓުގައި ހިނގަމުން ދިޔައިރު އާދަމް އިޔާޒު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބިނާވި ސަބަބު ނުވަތަ މައްސަލައިގެ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި އެ ކޯޓުގެ ކުރިމަތީގައި އޮތީ، ވަކި ފަރާތަކަށް މަންފާ ހޯދަދިނުމަށް އާދަމް އިޔާޒު މަސައްކަތް ކޮށްފައިވޭތޯ ބެލުން އެކަންޏެއް ނޫނެވެ. އޭގެ އިތުރަށް، މައްސަލައާ ގުޅޭގޮތުން ކޯޓަށް ހުށަހެޅުނު ހެކިތަކުން މާލިއްޔަތު ޤާނޫނާއި ގަވާއިދާ ޚިލާފަށް އާދަމް އިޔާޒު ކަންތައްތަކެއް ކޮށްފައިވާ ކަމާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުން މިބާވަތުގެ ކަންކަމުގައި އާންމުކޮށް ޢަމަލުކުރާ އުޞޫލުތަކުން ބޭރުން އާދަމް އިޔާޒު ޢަމަލުކޮށްފައި ވޭތޯ ކަނޑައަޅައި އާދަމް އިޔާޒު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިވޭތޯ ބެލުމަކީވެސް މި މައްސަލައިގައި ކޯޓުގެ ކުރިމަތީގައި އޮތް ސުވާލެކެވެ.

3208 ޖުލައި 2018 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑް އިން "މައްސަލަ ނިމުނު ގޮތުގެ ލިޔުން" ގައި ބަޔާންކޮށްފައިވަނީ، "...ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒު ޑިސިޕްލިނަރީ ބޯޑުގައި ޖަވާބުދާރީވުމަށް ދެވުނު ފުރުސަތުގައި ދެއްކި ވާހަކަތަކަށާއި އާދަމް އިޔާޒުގެ ވަކީލު ދެއްކެވި ވާހަކަތަކުގައި ފާހަގަކުރެއްވި ނުކުތާތަކާއި އެ މައްސަލަ ތަޙުޤީޤު ކުރިފަރާތުން ހުށަހެޅި ހެކިތަކާއި ޤަރީނާތަކަށާއި އަދި އެފަރާތުން ދެއްކި ވާހަކަތަކަށް ވިސްނާ ނަޒަރު ހިންގާއިރު ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒު މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަންކަން ކޮށްފައިވާކަމާއި އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުން މި ބާވަތުގެ ކަންކަމުގައި ޢާއްމުކޮށް ޢަމަލުކުރާ އުޞޫލުތަކާއި ގަވާއިދުތަކާއި ޚިލާފަށް އެގަވާއިދުތަކުގެ ބޭރުން ޢަމަލުކޮށްފައިވާކަން އެނގެން އޮންނާތީއާއި، އަދި ތަޙުޤީޤު ކުރި ފަރާތުން ފާހަގަކޮށްފައިވާ ގިނަ ކަންތައްތަކަކަށް ވިސްނާ ފިކުރު ހިންގާއިރު މިޢަމަލު ހިންގުމުގައި އާދަމް އިޔާޒުގެ އަމިއްލަ މަޞްލަޙަތެއް މިކަމުގައި އޮތްކަން އެނގޭކަމާއި، އަދި މި މުޢާމަލާތަކީ މި މުޢާމަލާތުގެ ތެރެއިން ވަކި މަންފާއެއް ހޯދުމުގެ ބޭނުމުގައި ޤަވާޢިދުތަކާއި އުޞޫލުތަކުގެ ބޭރުން ރާވައިގެން ހިންގާފައިވާ ޢަމަލެއްކަމަށް އެނގެން އޮންނާތީ، ފުލުހުންގެ ސީނިއަރ އޮފިސަރެއްގެ މަޤާމުގައި ހުރެ، މަޤާމުގެ ބާރާއި ނުފޫޒު، ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން އަމިއްލަ މަސްލަޙަތު އިސްކޮށް، ވަކި ފަރާތަކަށް މަންފާ ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ މި ޢަމަލަކީ ފުލުހުންގެ ކޯޑު އޮފް ކޮންޑަކްޓާއި ޚިލާފު ޢަމަލެއްކަމަށާއި، އަދި ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާއި ބެހޭ ގަވާއިދުގެ ރޫޙާއި ޚިލާފަށް ކޮށްފައިވާ ކުށުގެ ޢަމަލެއްކަމަށް ފެނުނު ހިނދު، މިކުށުގެ އަދަބެއްގެ ގޮތުން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާއި ބެހޭ ގަވާއިދުގެ 18 ވަނަ މާއްދާއާ ޙަވާލާދީ އެ މާއްދާގެ (ކ) ގެ ދަށުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށެވެ. އަދި މި މައްސަލަ އިސްތިއުނާފު ކޮމިޓީއަށް ހުށަހެޅުމުން އެކޮމެޓީއިން ނިންމާފައިވަނީ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އާދަމް އިޔާޒު ކޮމިޓީއަށް ހާޒިރުވެ ދެއްކި ވާހަކަތަކާއި ތަޙުޤީޤުކުރި ފަރާތުން ހުށަހަޅާފައިވާ ހެކިތަކާއި ޤަރީނާތަކަށް ބަލައި މި މައްސަލައިގައި ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުން ދެމެހެއްޓުމަށެވެ." މިފަދައިންނެވެ.

33އާދަމް އިޔާޒު ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގެ ފިޔަވަޅު އަޅާފައިވަނީ ޝާއިޢުކޮށްފައި ނުވާ ގަވައިދެއްގެ ދަށުންކަމަށް އާދަމް އިޔާޒުގެ ފަރާތުން ހައިކޯޓުގައި ބުނެފައިވެއެވެ. އެހެންނަމަވެސް ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގައި ހަވާލާދީފައިވާ މާލިއްޔަތު ގަވާއިދަކީ ހަމަ ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ ދަށުން ހަދާފައިވާ މާލިއްޔަތު ގަވާއިދު ކަމަށް ދައުލަތުން ހައިކޯޓުގައި ފާހަގަކޮށްފައި ވެއެވެ.

34ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/186 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ އާދަމް އިޔާޒުގެ ޢަމަލަކީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (ގަވާއިދު ނަންބަރު 2017/R-20) ގެ ދަށުން ދައުލަތުގެ މުދަލާއި ގުޅިގެން ހިނގާ މުޢާމަލާތާއި ގުޅޭ ކަންކަންކުރުމާއި އިންޝުއަރކޮށްފައިވާ ދައުލަތުގެ މުދަލަށް ލިބޭ ގެއްލުމާއި ގުޅިގެން ބަދަލު ހޯދުމުގެ ކަންކަން ހަމަޖެއްސުމަށް ދައުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބެލެހެއްޓުމުގެ މަސައްކަތްކުރާ މުވައްޒަފުންނަށް މި ގަވާއިދުން ލިބިދޭ ބާރުގެ ބޭރުން، އެފަރާތްތަކުގެ ހުއްދަނެތި އާދަމް އިޔާޒު ހިންގާފައިވާ ޢަމަލެއްކަމުން މި ޢަމަލަކީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފަށް ކޮށްފައިވާ ޢަމަލެއްކަން އެނގޭ ކަމަށެވެ. އަދި މި ޢަމަލަކީ މި ޢަމަލުގެ ބާވަތުން ފުލުހުންގެ މައިގަނޑު ވާޖިބާއި މަސްއޫލިއްޔަތާ ފުށުއަރާ ޢަމަލެއްކަމާއި އޭގެ ޒާތުން އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ކަމެއްކަމަށް އަދި އެކަމަށް ބުރޫއަރާފާނެ ކަމެއްކަމަށް ބެލޭ ޢަމަލެއްކަމަށެވެ. ވީމާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އާދަމް އިޔާޒު ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށް ޤަބޫލުކުރެވޭ ކަމަށެވެ.

35HN5ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12.15 ގެ (ބ) ގައި ބަޔާންކޮށްފައިވަނީ "އިންޝުއަރކޮށްފައިވާ ދައުލަތުގެ މުދަލާއި ފައިސާއަށް ލިބޭ ގެއްލުމަކާ ގުޅިގެން، އެ ގެއްލުމުގެ ބަދަލު ހޯދުމުގެ ކަންތައް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ލަފާގެމަތިން އެ އޮފީހަކުން ކުރިއަށް ގެންދަންވާނެއެވެ."

މިފަދައިންނެވެ.

36މި މައްސަލައިގައި އާދަމް އިޔާޒުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި 8 ހެކީން ހުށަހެޅި ސަބަބުގެ ގޮތުގައި ޖުމްލަ ގޮތެއްގައި ބަޔާންކޮށްފައިވަނީ، ލޯންޗު މަރާމާތުގެ ކަންކަން ކޮށްފައިވަނީ ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓާ މަޝްވަރާ ކޮށްގެންކަމާއި، ލޯންޗު މަރާމާތުކުރި ފަރާތަށް ފައިސާ ދިނުމުގައި އެލައިޑު އިންޝުއަރެންސް މެދުވެރިކޮށް އެއްވެސް ފަރާތަކަށް މަންފާއެއް ހޯދައިދިނުމަށް އާދަމް އިޔާޒު މަސައްކަތްކޮށްފައި ނުވާކަމާއި، އާދަމް އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ އުޞޫލުތަކުން ބޭރުން ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމުމާއި ގުޅިގެން އާދަމް އިޔާޒުއަށް ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރުމުގެ ފުރުޞަތު ދެއްވުމަށް (އޭރުގެ) ހޯމް މިނިސްޓަރ އެންގެވިކަމާއި، އެގޮތަށް އަންގަވާފައިވަނީ އާދަމް އިޔާޒު އެހެން ފަރާތަކަށް މަންފާއެއް ހޯދަދިނުމަށް މަސައްކަތްކޮށްފައި ނުވާކަން މިނިސްޓަރަށް ޤަބޫލުކުރެވޭތީކަން ސާބިތުކޮށްދިނުމުގެ ގޮތުންކަމެވެ.

37މި މައްސަލައިގައި ދަށުކޯޓަށް ހުށަހެޅުނު ލިޔުންތަކުން އެލައިޑް އިންޝުއަރެންސް އިން ފައިސާ ހޯދުމަށް ފޮނުވި ސިޓީގައި ސޮއިކޮށް އެފައިސާ ދޫކޮށްދިނުމަށް އެދިފައިވަނީ އާދަމް އިޔާޒުއެވެ. އާދަމް އިޔާޒުގެ ފަރާތުން އެލައިޑު އިންޝުއަރެންސްއިން ފައިސާ ދޫކޮށްދިނުމަށް އެދި ސިޓީ ފޮނުވުމުގެ ކުރިން ދައުލަތުގެ މާލިއްޔަތު ގަވައިދާ އެއްގޮތަށް ދައުލަތުގެ ކަމާގުޅޭ މުއައްސަސާގެ ލަފާގެ މަތިން އިންޝުއަރ ކޮށްފައިވާ މުދަލަށް ބަދަލު ހޯދުމުގެ ކަންކަން ކޮށްފައިވާކަން އެނގޭނެ ލިޔުމެއް ނުވަތަ ހެއްކެއްވިޔަސް އާދަމް އިޔާޒުގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ.

38ދިވެހި ފުލުހުންގެ ޚިދުމަތުގެ ކަމާބެހޭ ޑިޕާޓްމަންޓާ މަޝްވަރާކުރިކަމަށް އާދަމް އިޔާޒު ބުނިނަމަވެސް، ދައުލަތުގެ މާލިއްޔަތު ގަވާއިދުއާ އެއްގޮތަށް ޢަމަލުކޮށްފައި އޮތްކަމަށް ބެލެވޭނީ، މާލިއްޔަތު ގަވާއިދުގެ ދަށުން އިންޝުއަރެންސް ފައިސާ ހޯދުމުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކޮށްފައިވާ ނަމައެވެ.

39އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ސަބަބުތަކަށް ރިޢާޔަތްކުރާއިރު، އާދަމް އިޔާޒުގެ ފަރާތުން ހުށަހަޅާފައިވާ ހެކީން ކޯޓަށް ހާޒިރު ކުރިނަމަވެސް އެހެކީންގެ ހެކިބަހަށް ދެވޭނެ މާބޮޑު ބުރަދަނެއް އޮންނާނެކަމަށް ޤަބޫލު ނުކުރެވޭކަމަށް ހައިކޯޓުން ނިންމި ނިންމުން ރަނގަޅުކަމުގައި އަހުރެން ދެކެމެވެ.

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނިންމުން

40އާދަމް އިޔާޒު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ފުރަތަމަ ނިންމި ނިންމުމާ އެއްގޮތަށް އާދަމް އިޔާޒުގެ ވަޒީފާ އަލުން އިޢާދަކޮށްނުދީ، ސިވިލް ކޯޓުގެ ނިންމުމަށް ބުރަވެ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުގެ ނިންމުން އަލުން ރިވިއުކުރާ ގޮތަށް ޢަމަލުކުރުމަކީ އެ ކޮމިޝަން ޤާނޫނީ ގޮތުން އުފެދިފައިވާ މަޤުޞަދާ ޚިލާފުކަމެއްކަމަށް މި މައްސަލައިގައި ސުޕްރީމް ކޯޓުގައި ބޭއްވުނު އެންމެ ފަހު އަޑުއެހުމުގައި އާދަމް އިޔާޒުގެ ފަރާތުން ބުނެއެވެ.

41އާދަމް އިޔާޒު ވަޒީފާއިން ވަކިކުރީ ގޯސްކޮށްކަމަށް އިންޓެގްރިޓީ ކޮމިޝަނުން ނިންމި ނިންމުމާ އެއްގޮތަށް އާދަމް އިޔާޒަށް ވަޒީފާ އަނބުރާ ދީފައިނުވުމާގުޅޭ ބަހުސަކީ މި މައްސަލައިގެ ތެރޭގައި އާދަމް އިޔާޒުގެ ފަރާތުން މައިގަނޑު ގޮތެއްގައި ނަގަމުން އައިސްފައިވާ އެއް ބަހުސެވެ. އަދި އާދަމް އިޔާޒުގެ ފަރާތުން ސިވިލް ކޯޓަށް ހެކީން ހުށަހެޅި ސަބަބުތަކުގެ ތެރޭގައި އިންޓެގްރިޓީ ކޮމިޝަންގެ ބުނެވުނު ނިންމުމަށް ހަވާލާދީފައިވެއެވެ. އެހެންކަމުން މި ނުކުތާގައި މި ކޯޓުން ގޮތެއް ކަނޑައެޅުމަށް ހުރަހެއް އޮތްކަމުގައި އަހުރެން ނުދެކެމެވެ.

42ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ، "މި ޤާނޫނުގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހާ ހިނދަކު، މައްސަލައެއް ބަލައި ތަޙްޤީޤުކުރުމަށްފަހު ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތަކަށް އެ ހުށަހެޅުންތައް ހުށަހެޅޭ ފަރާތްތަކުން ޢަމަލުކުރަންވާނެއެވެ. އަދި، ކޮމިޝަންގެ ލަފަޔާއި އެއްގޮތަށް ޢަމަލުކުރުމަށްފަހު، އެކަން ކޮމިޝަނަށް 30 (ތިރީސް) ދުވަހުގެ ތެރޭގައި ލިޔުމުން އަންގަންވާނެއެވެ."

މިފަދައިންނެވެ. އަދި އެ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވަނީ، "މި މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޤާނޫނު ތަންފީޛުކުރާ އިދާރާއެއްގެ މުވައްޒަފަކާމެދު ފިޔަވަޅު އެޅުމަށް ކޮމިޝަނުން އެ އިދާރާއަކަށް ފޮނުވާ ހިނދު، ކޮމިޝަނުން ބެލުނު މައްސަލައާ ގުޅިގެން އެ މުވައްޒަފާމެދު އެ އިދާރާއަކުން ފިޔަވަޅު އަޅާފައިވާނަމަ، ކޮމިޝަންގެ ހުށަހެޅުމާ އެއްގޮތަށް އެ މުވައްޒަފަކާމެދު ފިޔަވަޅު އެޅުން އެ އިދާރާގެ މައްޗަށް ލާޒިމެއް ނޫނެވެ."

މިފަދައިންނެވެ.

43HN6ބަޔާންކުރެވުނު ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައި އެވަނީ، އެ ކޮމިޝަނުން ކުރާ ތަޙުޤީޤަކަށްފަހު، އެ ކޮމިޝަނުން ހުށަހަޅާ ހުށަހެޅުންތަކަށް ތަންފީޒީ އިދާރާތަކުން ޢަމަލުކުރުމުގެ ޢާންމު އިލްތިޒާމެވެ. އަދި ބުނެވުނު މާއްދާގެ (ށ) ގައި ބަޔާންވެފައި އެވަނީ، ކޮމިޝަނުން ތަޙުޤީޤުކުރާ މައްސަލަތަކާ ގުޅިގެން އެ މުވައްޒަފު ނިސްބަތްވާ އިދާރާއަކުން މުވައްޒަފާމެދު ކުރިން ފިޔަވަޅު އަޅާފައިވާނަމަ، އެ އިލްތިޒާމުން އިސްތިސްނާވާނެ ޙާލަތެކެވެ.

44މި މައްސަލައަށް ބަލާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އާދަމް އިޔާޒު ވަކިކޮށްފައިވަނީ 5 ޖުލައި 2018 ގައެވެ. އެހެންނަމަވެސް، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އާދަމް އިޔާޒުގެ މައްޗަށް އަޅާފައިވާ ފިޔަވަޅަކީ، ޢަދުލުވެރިކަމާއި އިންޞާފުވެރިކަމާއެކު އަޅާފައިވާ ފިޔަވަޅެއް ނޫންކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމާފައިވަނީ 15 ނޮވެމްބަރު 2018 ގައެވެ.

45HN7އެހެންކަމުން، އާދަމް އިޔާޒު ވަޒީފާއިން ވަކިކޮށްފައިވަނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން މައްސަލަ ތަޙުޤީޤުކޮށް ވަކި ގޮތެއް ނިންމުމުގެކުރިން ކަމަށްވާތީ، މިޙާލަތުގައި ތަޠުބީޤުކުރެވޭނީ ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގައިވާ އިސްތިސްނާ ކަމުގައި އަހުރެން ދެކެމެވެ. ސަބަބަކީ، މިފަދަ ޙާލަތެއްގައި، ކޮމިޝަނުގެ ހުށަހެޅުމާ އެއްގޮތަށް މުވައްޒަފާމެދު އިތުރު ފިޔަވަޅެއް އެޅުމުގެ އިލްތިޒާމެއް ޕޮލިސް ސަރވިސްގެ މައްޗަށް ނުއޮންނާނެތީއެވެ.

އިންޓެގްރިޓީ ކޮމިޝަންގެ ޤާނޫނުގެ 47 ވަނަ މާއްދާގެ (ހ) ގެ ދަށުން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމަށް އޮންނަ ޝަރުޠު މާނަކުރަންވާނީ، ހަވާލާދެވުނު ޤާނޫނުގެ 47 ވަނަ މާއްދާގެ (ށ) ގައިވާ އިސްތިސްނާއާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި އިތުރު ފިޔަވަޅެއް އަޅަން ޤާނޫނީގޮތުން ލާޒިމުނުވާ ޙާލަތުގައި އެ މާއްދާއަށް އެކަނި ބަލައި ޤާނޫނާ ޚިލާފުވެފައިވާކަމަށް ކަނޑައެޅިދާނެ ކަމުގައި އަހުރެން ނުދެކެމެވެ.

އަލަށް ހުށަހެޅި އެންޓިކޮރަޕްޝަން ކޮމިޝަނުގެ ނިންމުން

46އާދަމް އިޔާޒުއަށް ތުހުމަތުކުރެވުނު މައްސަލައިގައި ކޮރަޕްޝަނުގެ ޢަމަލެއް ހިންގާފައިވޭތޯ ބެލުމަށްޓަކައި އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުނު މައްސަލައާ ގުޅިގެން އެކޮމިޝަނުން ނިންމިގޮތް އާދަމް އިޔާޒުގެ ފަރާތުން މި ކޯޓަށް ހުށަހަޅާފައި ވެއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ ނިންމުން ނިންމާފައިވަނީ 6 މޭ 2024 ގައެވެ. އާދަމް އިޔާޒުގެ ފަރާތުން މި ކޯޓަށް އެ ލިޔުން ހުށަހަޅާފައިވަނީ 10 މޭ 2024 ގައެވެ.

47އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ބަޔާންކުރެވުނު ނިންމުމާ ގުޅިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އާދަމް އިޔާޒުގެ ފަރާތުން ބުނެފައިވަނީ، އެންޓި ކޮރަޕްޝަން ކޮމިޝަނަކީ އާދަމް އިޔާޒުގެ މައްޗަށް ތުހުމަތު ކުރެވުނު ބާވަތުގެ ކުށްތައް ބެލުމަށްޓަކައި ޤާނޫނުއަސާސީން ކަނޑައަޅާފައިވާ މުއައްސަސާ ކަމަށްވާއިރު، އެ ކޮމިޝަނުން މައްސަލަ ބެލުމަށްފަހު ކޮރަޕްޝަނުގެ ތުހުމަތު އާދަމް އިޔާޒުގެ މައްޗަށް ކުރާނެތަނެއް ނެތްކަމަށް ކަނޑައަޅާފައި އޮތުމުން، އާދަމް އިޔާޒު ވަޒީފާއިން ވަކިކުރެވިފައިވަނީ ގޯސްކޮށް ކަމަށް ބަލަން ޖެހޭ ކަމަށެވެ. އަދި އާދަމް އިޔާޒުގެ މައްޗަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ހިންގާފަ އޮތް ތަޙުޤީޤަކީ ރަނގަޅު ތަޙުޤީޤެއް ނޫން ކަމަށް ބަލަންޖެހޭ ކަމަށެވެ.

48އާދަމް އިޔާޒުގެ ފަރާތުން ފާހަގަކުރި މިކަންކަމަށް ދައުލަތުން ޖަވާބުދެމުން ފާހަގަކޮށްފައިވަނީ، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް އެއް ކުރެވިފަހުރި ހެއްކާއި ޑިސިޕްލިނަރީ ބޯޑަށް ފެންނަ ކަންކަމާ މެދުގައި ޑިސިޕްލިނަރީ ބޯޑުން ނިންމާފަ އޮތް ނިންމުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނިންމުމުގެ ސަބަބުން އެއްވެސް އަސަރެއް ކުރާނެ ކަމަށް ދައުލަތުން ނުދެކޭކަމަށެވެ.

49ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަދަނީ އިޖުރާއަތުގެ ގަވާއިދުގެ 40 ވަނަ މާއްދާގައި ސުޕްރީމް ކޯޓަށް އައު ވާޤިޢާއާއި ހެއްކަށް ރިޢާޔަތް ކުރެވިދާނެ ޙާލަތްތައް ބަޔާންކޮށްފައިވެއެވެ. އެ ޙާލަތްތަކަކީ،

49.1. އައު ވާޤިޢާއެއް ނުވަތަ ހެއްކެއް ލިބުމުން ވަގުތުން ހުށަހަޅައިފައިވުން؛

49.2. އެންމެ ފަރުވާތެރިކަމާ އެކުގައި މަސައްކަތްކޮށްފައި އޮތް ނަމަވެސް، ސުޕްރީމް ކޯޓަށް އެ ވާޤިޢާތަކާއި ހެކި ހުށަހެޅިފައި ނުވުން؛

49.3. އެ ވާޤިޢާ ތަކާއި ހެއްކަކީ މައްސަލައިގެ ނިންމުމަށް އޭގެ ސަބަބުން އެކަށީގެންވާ ބޮޑު ބަދަލެއް އަތުވެދާނެ ވާޤިޢާއެއް ނުވަތަ ހެއްކެއް ކަމުގައިވުން؛ މިއެވެ.

50HN8ސުޕްރީމް ކޯޓަށް އައު ހެއްކެއް ނުވަތަ އިތުރު ޤާނޫނީ ނުކުތާއެއް ނުވަތަ ލިޔުމެއް ހުށަހެޅޭނެ އެންމެ ފަހު މުއްދަތު ނުވަތަ ވަގުތު ބަޔާންކޮށްދީފައި ވަނީ ސުޕްރީމް ކޯޓުގެ ގަވާއިދުގެ 103 ވަނަ މާއްދާގައެވެ. މިގޮތުން އެ ގަވާއިދުގެ (ށ) ގައި ސުޕްރީމް ކޯޓުން ބަލާ މައްސަލައަކީ އިސްތިއުނާފީ މައްސަލައެއްނަމަ، އެ މައްސަލައިގައި ރިޢާޔަތްކުރާނީ އެ މައްސަލައަކާ ގުޅިގެން ހައިކޯޓަށް ހުށަހެޅި ޤާނޫނީ ނުކުތާތަކާއި، ލިޔުންތަކާއި ހެކިތަކަށެވެ. ބުނެވިދިޔަ ހެކިތަކުގެ އިތުރުން މައްސަލައާ ގުޅިގެން ދަށުކޯޓަށް ނުވަތަ ހައިކޯޓަށް ހުށަހެޅިފައިނުވާ އިތުރު/އައު ޤާނޫނީ ނުކުތާއެއް ނުވަތަ ހެއްކެއް ނުވަތަ ލިޔުމެއް ހުށަހެޅޭނީ، މައްސަލަ ބަލާ ފަނޑިޔާރުންގެ މަޖިލީހުގެ ހުއްދައާ އެކު ކަމަށް ބަޔާން ކޮށްފައި ވެއެވެ. އަދި އެ މާއްދާގެ (ނ) ގައި މި މާއްދާގެ (ށ) ގައި އެހެން ބަޔާން ކޮށްފައިވީ ނަމަވެސް، މައްސަލައިގެ އަޑުއެހުން ނިމުނުކަމަށް ޝަރީޢަތުން އިޢުލާނު ކުރުމަށްފަހު، މައްސަލައާ ގުޅިގެން އިތުރު/އައު ޤާނޫނީ ނުކުތާއެއް ނުވަތަ ހެއްކެއް ނުވަތަ ލިޔުމެއް ހުށަނޭޅޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

51މި މައްސަލައިގައި އާދަމް އިޔާޒުގެ ފަރާތުން ހުށަހެޅި ބަޔާންކުރެވުނު އެންޓިކޮރަޕްޝަން ކޮމިޝަނުން މައްސަލަ ނިންމިގޮތުގެ ލިޔުން އާދަމް އިޔާޒު ހުށަހަޅާފައިވަނީ މި މައްސަލައިގެ އަޑުއެހުންތައް ނިންމާލި ފަހުންނެވެ. އަދި އެ ލިޔުން ވުޖޫދުވެފައިވަނީވެސް މި މައްސަލައިގެ އަޑުއެހުންތައް ސުޕްރީމް ކޯޓުން ނިންމާލި ފަހުންނެވެ. އެހެންކަމުން ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 103 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކުރާއިރު، މި މައްސަލަ ނިންމުމުގައި އެ ލިޔުމަށް ރިޢާޔަތްކުރުމުގެ ފުރުޞަތު ޤާނޫނީގޮތުން ލިބިފައި ނުވެއެވެ.

52އެހެންކަމުން، މި މައްސަލަ ނިންމުމުގައި އެ ލިޔުމަށް ރިޢާޔަތްކުރުމަށް ފުރުޞަތު ލިބިފައި ނުވިނަމަވެސް، ބަޔާންކުރެވުނު އެންޓިކޮރަޕްޝަން ކޮމިޝަނުގެ ނިންމުމުގެ ސަބަބުން އާދަމް އިޔާޒުގެ ޙައްޤެއް އުފަންވާކަމަށް ދެކޭނަމަ، ނުވަތަ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 103 ވަނަ މާއްދާގެ (ނ) ގެ ދަށުން އެ ލިޔުމަށް ރިޢާޔަތްކުރުމަށް ފުރުޞަތު ލިބިފައި ނުވުމުން އާދަމް އިޔާޒުގެ ޙައްޤަކަށް އުނިކަން އަންނަކަމަށް ޤަބޫލު ކުރެވޭ ނަމަ، އެ ލިޔުމުގެ މައްޗަށް ބިނާކޮށް ކަމާބެހޭ އިދާރާއަކަށް ހުށަހެޅުމުގެ ޙައްޤު އާދަމް އިޔާޒަށް ލިބިގެންވާކަމުގައި އަހުރެން ދެކެމެވެ.

ނިންމަން ފެންނަ ގޮތް

53އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 181/Cv-C/2019 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/186 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

54މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރުމާއެކު، އާދަމް އިޔާޒުގެ ފަރާތުން ހުށަހަޅާފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރިޕޯޓާއި ގުޅިގެން އަހުރެންގެ ފަރާތުން އިތުރު ނުކުތާއެއް ފާހަގަކުރަން ބޭނުން ވެއެވެ.

55އާދަމް އިޔާޒު އަދާކުރަމުން ދިޔަ ފުލުހުންގެ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ދިވެހި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފު ވެފައިވާތީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 18 ވަނަ މާއްދާގެ (ކ) ގެ ދަށުން ކަމާއި، އެ ނިންމުން މައިގަނޑު ގޮތެއްގައި ބިނާވަނީ 07 ސެޕްޓެމްބަރ 2015 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޕޮލިސް 20" ލޯންޗު މ. އަތޮޅު ފަރަކަށް އަރައި ލޯންޗަށާއި ލޯންޗުގެ އިންޖީނަށް ގެއްލުންތަކެއް ލިބުމުން އާދަމް އިޔާޒުގެ ފަރާތުން ޢަމަލުކޮށްފައި ވަނީ ޤާނޫނު ނަންބަރު 2006/3 (ދައުލަތުގެ މާލިއްޔަތުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ މާލިއްޔަތު ގަވާއިދާއި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުން އާންމުކޮށް ޢަމަލުކުރާ އުސޫލުތަކާއި ގަވާއިދުތަކާއި ޚިލާފަށް، އެ ގަވާއިދުތަކުގެ ބޭރުން ކަމަށް ބުނެއެވެ.

56HN9އެންޓި ކޮރަޕްޝަން ކޮމިޝަނަކީ ޤާނޫނުއަސާސީއިން އުފައްދާފައިވާ މުއައްސަސާއަކަށް ވާހިނދު، އެހެނިހެން ކަންކަން ހިމެނޭގޮތުން، އެ ކޮމިޝަންގެ މައިގަނޑު މަސައްކަތަކީ ކޮރަޕްޝަންގެ މައްސަލަތައް ބަލައި ތަޙުޤީޤު ކުރުމެވެ.

57އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ޤާނޫނާއި ގަވާއިދާއި ޚިލާފަށް ޢަމަލުކުރުމާއި ކޮރަޕްޝަންގެ ޢަމަލެއް ހިންގުމާއި މިއީ ތަފާތު ދެކަމެއްކަން ފާހަގަކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

58މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންވެދިޔަ ސަބަބުތައް އެގޮތުގެމަތިން ހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 181/Cv-C/2019 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ ނުވަތަ ޤާނޫނީ ސަބަބެއް ނެތްކަމަށް ކަނޑައަޅައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/186 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ޢާއިޝާ ޝުޖޫން މުޙައްމަދު

ޢަބްދުލްޣަނީ މުޙައްމަދު

(ރިޔާސަތު)

ޢަލީ ރަޝީދު ޙުސައިން

ފުޓްނޯޓު

  1. ނޯޓް: މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑްގެ މި ލިޔުމުގައި ނިމުނު ތާރީޚްކަމަށް ބަޔާންކޮށްފައިވަނީ 13 ޖޫން 2018 އެވެ. ބެލެވޭ ގޮތުގައި މިއީ، މި މައްސަލައިގައި ޑިސިޕްލިނަރީ ކޮމިޓީއިން މައްސަލަ ނިންމި ތާރީޚެވެ. މި މައްސަލަ އިސްތިއުނާފު ކޮމިޓީއަށް މައްސަލަ ހުށަހަޅާފައި ވަނީ 15 ނޮވެންބަރު 2017 ގައިކަން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑްގެ އިސްތިއުނާފު ކޮމިޓީއަށް މައްސަލަ ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވެއެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑް "މައްސަލަ ނިމުނުގޮތުގެ ލިޔުން" ގައިވެސް މައްސަލަ ހުށަހެޅި ތާރީޚެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ 15 ނޮވެންބަރު 2017 އެވެ. އަދި މި ލިޔުމުގެ ތިރީގައި ބަޔާންކޮށްފައިވާ ތާރީޚަކީ 8 ޖުލައި 2018 އެވެ.
  2. ނޯޓް: ސިވިލް ކޯޓަށް ހުށަހެޅުނު ދަޢުވާގައި ވަޒީފާއިން ވަކިކުރި ތާރީޚްކަމަށް އާދަމް އިޔާޒުގެ ފަރާތުން ފާހަގަކޮށްފައިވަނީ 14 ޖޫން 2018 އެވެ.
  3. ނޭޝަނަލް އިންޓެގްރިޓީ ކޮމިޗަނުގެ ނަންބަރު IEG/32/2019/3-462 (15 އެޕްރީލް 2019) ސިޓީ
  4. ނޯޓް: މި ލިޔުމަކީ ސިވިލް ކޯޓުން މައްސަލަ ބަލައި ނިމުނުފަހުން ވުޖޫދުވި ލިޔުމެކެވެ. އަދި މި ލިޔުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅިފައިވާކަން އެ ކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭކަށް ނެތެވެ. މިލިޔުން ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މަރުޙަލާގައެވެ.
  5. ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާ
  6. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ
  7. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ
  8. ޤާނޫނު ނަންބަރު 22/2010
  9. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ
  10. ޤާނޫނު ނަންބަރު 13/2010
  11. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ
  12. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ
  13. ހައިކޯޓުގެ ނަންބަރު 2020/HC-A/186 ޤަޟިއްޔާގައި 18 ޖަނަވަރީ 2022 ގައި ޝަރީޢަތަށް ދީފައިވާ ބަޔާނުގެ 11 ވަނަ ޞަފްޙާ އަދި 21-22 ޞަފްޙާ
  14. ހައިކޯޓުގެ ނަންބަރު 2020/HC-A/186 ޤަޟިއްޔާގައި 12 އޮކްޓޯބަރ 2021 ގައި ޝަރީޢަތަށް ދީފައިވާ ބަޔާނުގެ 14 ވަނަ ޞަފްޙާ
  15. ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/10 ޤަޟިއްޔާ
  16. 14 ވަނަ ޞަފްޙާ ނަންބަރު 181/Cv-C/2019 ޤަޟިއްޔާގައި ހުށަހެޅުނު ލިޔުންތަކުގެ ގެ އެގްޒިބިޓް 11
  17. އބމ، އެގްޒިބިޓް 4
  18. އބމ، އެގްޒިބިޓް 12
  19. އބމ، އެގްޒިބިޓް 5
  20. އބމ، އެގްޒިބިޓް 23
  21. އބމ، އެގްޒިބިޓް 6 (ނޯޓް: މި ސިޓީގައި ސިޓީގެ ނަންބަރު ޖަހާފައިނުވެއެވެ.)
  22. އބމ، އެގްޒިބިޓް 7
  23. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ
  24. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ
  25. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ
  26. ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/26 ޤަޟިއްޔާ
  27. (ނޯޓް: މިގަވާއިދުވަނީ 19 ސެޕްޓެންބަރު 2023 ގައި ގެޒެޓްކުރެވުނު ދައުލަތުގެ މާލިއްޔަތު ގަވާއިދު (ގަވާއިދު ނަންބަރު 158-2023) އިން އުވާލެވިފައެވެ. އެހެންނަމަވެސް، މި މައްސަލައިގައި އާދަމް އިޔާޒު ވަޒީފާއިން ވަކިކުރެވުނު އިރު ޢަމަލުކުރަމުން ގެންދިޔައީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (ގަވާއިދު ނަންބަރު 2017/R-20) އަށެވެ.
  28. ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 11 ވަނަ ބާބު
  29. ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 12 ވަނަ ބާބު
  30. ގަވާއިދު ނަންބަރު 2017/R-20
  31. ޤާނޫނު ނަންބަރު 27/2015
  32. އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ނަންބަރު 123-C(CON-SUS)/2026/14 (6 މޭ 2026) ނިންމުން
  33. ޤާނޫނުއަސާސީގެ 202 ވަނަ މާއްދާގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވެއެވެ. އަދި ޤާނޫނު ނަންބަރު 13/2008 (އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނު) ގެ 21 ވަނަ މާއްދާގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ މަސްއޫލިއްޔަތުތައް އިތުރަށް ތަފްސީލުކޮށްދީ، "ކޮރަޕްޝަން" މާނަކޮށްފައިވާކަން ފާހަގަކުރަމެވެ.
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ