ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2023] SC 58 · 2022/SC-A/07ސުޕްރީމް ކޯޓު · 30 ނޮވެމްބަރު 2023

ޢަލީ ޝާހް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް (ދިވެހި ދައުލަތް)

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 ނޮވެމްބަރު 2023ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 58 2022/SC-A/07 ޝަރީޢަތް ނިމުނުގޮތް ޢަލީ ޝާހް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް (ދިވެހި ދައުލަތް) ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް

ނިމުނު ތާރީޚު 30 ނޮވެމްބަރ 2023

އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2020/HC-A/11 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް ކަސްޓަމްސް ސަރވިސް (ދިވެހި ދައުލަތް) ޢަލީ ޝާހް، ހުޅުމާލެ ގޯތި ނަންބަރު 11337، މާލެ ޤާނޫނީ ވަކީލު: ޤާނޫނީ ވަކީލު: ސީނިއަރ ސްޓޭޓް އެޓަރނީ ޒުލައިޚާ އިބްރާހީމް

އަޙްމަދު ޝާފިޢު

މަދަނީ – ވަޒީފާއާބެހޭ މައްސަލަ – މައުޟޫޢީ ޢަދުލުވެރިކަން – އިޖުރާއީ ޢަދުލުވެރިކަން – ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އޮތުމާއި ނެތުން – ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އާއި 60 ވަނަ މާއްދާ

ފިހުރިސްތު

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) 1

ތަޢާރުފު 1

މައްސަލައިގައި ކަންހިނގާފައިވާ ގޮތް 1

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިގޮތް 2

ހައިކޯޓުން މައްސަލަ ނިންމިގޮތް 5

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް 5

މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން 7

(ހ) މައުޟޫޢީ ޢަދުލުވެރިކަން 9

(ށ) އިޖުރާއީ ޢަދުލުވެރިކަން 14

އިތުބާރު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން 17

ނިންމަން ފެންނަ ގޮތް 20

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 21

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 21

ޙުކުމް 21

` ޢަލީ ޝާހް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް (ދިވެހި ދައުލަތް) [2023] SC 58 ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި) ތަޢާރުފު

1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/11 ނިންމާފައިވަނީ ޤާނޫނާއި ޢަމަލުކުރަމުން އަންނަ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ހުޅުމާލެ ގޯތި ނަންބަރު 11337، ޢަލީ ޝާހް1 (މީގެފަހުން 'ޢަލީ ޝާހް') ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސް (މީގެ ފަހުން 'ކަސްޓަމްސް' ކަމަށް ބުނެފައިވާ ފަރާތް) އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

2. 12 ފެބުރުއަރީ 1996 އިން ފެށިގެން ޢަލީ ޝާހް ވަޒީފާ އަދާކޮށްފައިވަނީ ކަސްޓަމްސްގައެވެ. ޢަލީ ޝާހް އެންމެ ފަހުން ކަސްޓަމްސްގައި ވަޒީފާ އަދާކޮށްފައިވަނީ ސީނިއަރ ކަސްޓަމްސް އޮފިސަރ، ގްރޭޑް 3 ގެ މަޤާމުގައެވެ.

3. 05 އެޕްރީލް 2017 ގެ 12:10 ގައި ބެންކޮކުން ރާއްޖެ އައި، ކަސްޓަމްސްގެ މުވައްޒަފެއް ކަމަށްވާ ކަސްޓަމްސް އޮފިސަރ ގްރޭޑް 2، މުޙައްމަދު މުޞްތަފާ ރާއްޖެއަށް ސިއްރުން ދޫނިތަކެއް އެތެރެކުރި ކަމަށް ތުހުމަތުކުރެވިގެން ހިންގުނު ތަޙުޤީޤުގައި ޢަލީ ޝާހް އެކަމަށް އެހީތެރި ވެދީފައިވާކަން ސާބިތުވެފައިވާ ކަމަށް ކަސްޓަމްސް ގެ ފަރާތުން ބުނެފައިވެއެވެ. މިތުހުމަތު ސާބިތުކުރުމަށްޓަކައި ކަސްޓަމްސް އިން ރިޢާޔަތްކުރި ހެކިތަކުގެ ތެރޭގައި ހާދިސާ ހިނގި ދުވަހުގެ ސީސީޓީވީ ފުޓޭޖާއި، އެދުވަހު ޑިއުޓީގައި އުޅުނު މުވައްޒަފުން ދިން ބަޔާންތަކާއި، މުޙައްމަދު މުޞްތަފާގެ ލަގެޖްގެ އެކްސްރޭ އިމޭޖު ހިމެނެއެވެ.

4. 15 މޭ 2017 ގައި ކަސްޓަމްސްގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުގެ ބައްދަލުވުމުގައި ޢަލީ ޝާހް ވަޒީފާއިން ވަކި ކުރުމަށް ނިންމައި އެފަދައިން މިނިސްޓަރ އޮފް ހޯމް އެފެއާޒް (މީގެފަހުން 'މިނިސްޓަރު') އަށް ލަފާ އެރުވުމާ ގުޅިގެން، 06 ނޮވެމްބަރު 2018 ގައި މި މައްސަލަ އަލުން ބެލުމަށް މިނިސްޓަރު ކަސްޓަމްސްއަށް އަންގަވާފައިވެއެވެ.2

5. ކަސްޓަމްސް ގެ ހިއުމަން ރިސޯސް މެނޭޖްމަންޓްގެ މި ނިންމުމަށް ބަދަލުގެންނަން ނުޖެހޭނެ ކަމަށް ނިންމާފައިވާތީ، 07 ނޮވެންބަރު 2018 ގައި މިނިސްޓަރަށް އެފަދައިން މަޢުލޫމާތު އަރުވައި، އެގޮތުގެ މަތިން 14 ނޮވެންބަރު 2018 އިން ފެށިގެން ޢަލީ ޝާހް ވަޒީފާއިން ވަކިކޮށްފައިވެއެވެ.3

6. މި މައްސަލަ ޢަލީ ޝާހް ގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިވެއެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިގޮތް

7. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލަ ބަލާފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރު 16/VTR/2019 މައްސަލައިގެ ގޮތުގައެވެ. މި މައްސަލައިގެ ނިންމުމުގައިވަނީ، ޢަލީ ޝާހް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާތީ، ޢަލީ ޝާހް ވަޒީފާއިން ވަކިކުރިއިރު އަދާކުރަމުންދިޔަ މަޤާމަށް ޢަލީ ޝާހް އަނބުރާ ރުޖޫޢަކުރުމަށާއި، ޢަލީ ޝާހް އަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށާއި، ޢަލީ ޝާހް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އޭނާގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، ޢަލީ ޝާހް ވަޒީފާއިން ވަކިކުރިއިރު އޭނާ އަދާކުރަމުންދިޔަ މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާއަކީ ޢަލީ ޝާހްއަށް ދޭންޖެހޭ ފައިސާކަމަށެވެ. މި ނިންމުމަށް ވާޞިލުވުމުގައި ޓްރައިބިއުނަލް އިން އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައިވެއެވެ.

7.1. މުޙައްމަދު މުސްޠަފާ ގެންދިޔަ އެއްވެސް ފޮއްޓެއްގައި އިތުރަށް ޗެކްކުރަން ޖެހޭކަން އަންގައިދޭ ސްޓިކާ ޖަހާފައިވާތަން ނުދެކޭ ކަމަށާއި، އޭނާ ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ދިވެހިރާއްޖެއަށް އެއްޗެއް ގެންނާނެކަމަށް ޝައްކު ނުކުރެވޭތީ، އޭނާ ގާތު ރެޑް ޗެނަލްއަށް ދިއުމަށް ބުނެފައި ނުވާނެކަމަށް ބުނެ ޢަލީ ޝާހް ދައްކާފައިވާ ވާހަކަތަކަކީ ޒިންމާދާރު މުވައްޒަފެއްގެ ޙައިސިއްޔަތުން ދައްކައިގެންވާނެ ވާހަކަތަކެއް ކަމަށް ޤަބޫލު ނުކުރެވޭ ކަމާއި، އެއީ ޤައުމުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކޮށް އެކަމުގެ މަސްއޫލިއްޔަތާ ޙަވާލުވެފައި ތިބި ބަޔަކު އިހުމާލުވުން ކަމުގައި ނޫނީ ނުވާނެ ކަމާއި، އެހެން ކަމުން މި ޢަމަލަކީ ކަސްޓަމްސް ގެ ޤަވާޢިދުގެ ތެރެއިން މުވައްޒަފާމެދު އިސްލާޙީ ފިޔަވަޅެއް އެޅިދާނެ ޢަމަލެއް ކަން؛

7.2. ޢަލީ ޝާހް ކަސްޓަމްސް ތަޙުޤީޤަށް ދީފައިވާ ބަޔާނުން އޭނާގެ ވަޒީފާގެ ބާރު ނަހަމަ ގޮތުގައި ބޭނުން ކުރަން މަސައްކަތް ކުރިކަމަށް އިޢުތިރާފްވެފައިވާ ކަމަށް ބުރަވެވޭ ކަމަށާއި، އެހެން ކަމުން އޭނާގެ ޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނު4 ގެ 23 ވަނަ މާއްދާއާއި ކަސްޓަމްސް ގެ މުވައްޒަފުންގެ ޤަވާޢިދު5 ގެ 124 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު ނޯޓިސް ދިނުމަކާ ނުލާ ވަޒީފާއިން ވަކިކުރަން އެކަށީގެންވާ ފަދަ ޢަމަލެއްކަމަށް ބުރަވެވޭކަން؛

7.3. އެހެން ނަމަވެސް ހާދިސާ ހިނގާދިޔުމުގެ ކުރީގައި ޢަލީ ޝާހް ވަޒީފާ އަދާކޮށްފައިވަނީ ޕެސެންޖަރ ކްލެއަރެންސް ސެކްޝަންގައި ކަމަށާއި، ކަސްޓަމްސް އިން ހުށަހެޅި

“salary & other benefits” ލިޔުމުގައި ޢަލީ ޝާހް ވަޒީފާ އަދާކުރާ ސެކްޝަންގެ ގޮތުގައި ބަޔާންވެފައިވަނީ އިންވެންޓްރީ ސެކްޝަންކަން އެނގޭ ކަމާއި، ހާދިސާ ހިނގާ ދިޔުމަށްފަހު ޢަލީ ޝާހްގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަދަލުވެފައިވާކަން މިއިން އެނގެން އޮންނަކަމާއި، މިއީ މިމައްސަލައިގައި ހިނގާފައިވާ ހާދިސާގެ ސަބަބުން ޢަލީ ޝާހްއާ މެދު އެޅިފައިވާ އިސްލާޙީ ފިޔަވަޅެއްކަމަށް ބުރަވެވޭއިރު، އެއް ކުށެއްގެ މައްޗަށް ދެ އަދަބު ކަނޑައެޅުމަކީ ޤާނޫނުއަސާސީގެ ރޫޙާ ޚިލާފުކަމެއް ކަން ޤާނޫނުއަސާސީގެ 60 ވަނަ މާއްދާއަށް ބެލުމުން އެނގެން އޮންނަކަން؛

7.4. ޙާދިސާއަށްފަހު ވެސް ޢަލީ ޝާހް ކަސްޓަމްސްގެ ވަޒީފާގައި 01 އަހަރާއި 05 މަސްދުވަހު ވަޒީފާ އަދާކޮށްފައިވާކަން އެނގެން އޮންނާތީ ޢަލީ ޝާހް ވަޒީފާއިން ވަކިކުރެވިފައިވަނީ ދިމާވި ކަންތައްތަކުގެ މުއާލާތް ކެނޑުނުފަހުން ކަމަށް ބުރަވެވޭތީ މިއީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ޙައްޤާ ޚިލާފުކަމެއް ކަމަށް ޤަބޫލުކުރެވޭކަން؛

7.5. އެހެންކަމުން ޢަލީ ޝާހް ވަޒީފާއިން ވަކިކޮށްފައިވަނީ ޢަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް ކަމަށް ޤަބޫލު ނުކުރެވޭތީ، ޢަލީ ޝާހް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ އަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރުމަށް ފަހުގައި ނޫންކަން.

8. މި ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ބުނެ ކަސްޓަމްސް ގެ ފަރާތުން ހައިކޯޓުގައި މައްސަލަ އިސްތިއުނާފުކޮށްފައިވެއެވެ.

ހައިކޯޓުން މައްސަލަ ނިންމިގޮތް

9. ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2020/HC-A/11 ގަޟިއްޔާއިންނެވެ. އެ ގަޟިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 16/VTR/2019 މައްސަލައިގެ ނިންމުން ބާޠިލްކޮށް ޙުކުމްކޮށްފައިވެއެވެ. މިޙުކުމަށް ވާޞިލްވުމުގައި އަންނިވި ކަންކަމަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިވެއެވެ.

9.1. ޢަލީ ޝާހް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމަށްވާތީ، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމުގައި ބަލަންޖެހޭކަން؛

9.2. ހާދިސާ ހިނގުމަށްފަހު ޢަލީ ޝާހް އާމެދު ފިޔަވަޅެއް ނޭޅި ގިނަދުވަސް ވެފައިވާތީ، ހަމައެކަނި އެސަބަބުގެ މައްޗަށް ބަލައި އެއީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނެތްކަމުގައި ބެލެވޭނެ ހަމައެއް ނޫންކަމާއި، ޢަލީ ޝާހް ވަޒީފާއިން ވަކިކުރުމުގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އިޖުރާއަތުތަކަށް ކަސްޓަމްސް އިން ޢަމަލު ކޮށްފައިވާތީ އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަ ވާކަން.

10. އެހެން ކަމުން ޢަލީ ޝާހްގެ ވަޒީފާ ރުޖޫޢަ ކުރުމަށް ކަސްޓަމްސްގެ މައްޗަށް އަންގައި އަމުރުކޮށް ނިންމާފައިވަނީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. އަދި މި ނިންމުން ޢަލީ ޝާހްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް

11. ހައިކޯޓުގެ ނިންމުން އިސްތިއުނާފު ކުރަމުން ޢަލީ ޝާހް ގެ ފަރާތުން ހަތަރު އިސްތިއުނާފީ ނުކުތާ ހުށަހަޅާފައިވެއެވެ.

11.1. ފުރަތަމަ އިސްތިއުނާފީ ނުކުތާއަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) އަދި ފަނޑިޔާރުންގެ ޤާނޫނު6 ގެ 5 ވަނަ މާއްދާގެ (ހ) އަދި އެމާއްދާގެ (ށ) ގެ (1) ވަނަ ނަންބަރާއި (2) ވަނަ ނަންބަރާ އެއްގޮތްވާ ގޮތުގެ މަތިން ހައިކޯޓުން ޢަމަލުކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11.2. ދެވަނަ އިސްތިއުނާފީ ނުކުތާއަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މިމައްސަލަ ނިންމިއިރުވެސް ޢަލީ ޝާހް ކަސްޓަމްސްގެ ވަޒީފާއިން ވަކިކުރެވިފައިވަނީ "ނެޗުރަލް ޖަސްޓިސް" އަދި "ޑިއު ޕްރޮސެސް" ގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަންވެސް ކަނޑައަޅާފައި ނުވާކަމާއި، އެހެންކަމުން ވަޒީފާގެ މައްސަލަ ތަކުގައި މުވައްޒަފު ވަޒީފާއިން ވަކިކުރެވިފައިވަނީ "ނެޗުރަލް ޖަސްޓިސް" އަދި "ޑިއު ޕްރޮސެސް" ގެ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވޭހާ ހިނދަކު އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިފައިވަނީ ރަނގަޅަށް ނޫންކަމަށް އެނގެން އޮތްއިރު، އެކަމަށް ރިޢާޔަތް ނުކޮށް ހައިކޯޓުގެ ނަންބަރު

2020/HC-A/11 ގަޟިއްޔާގެ 18.2 ވަނަ ނުކުތާގައި މައުޟޫޢީ ޢަދުލުވެރިކަން، އަދި އެ ގަޟިއްޔާގެ 19، 20، 21 އަދި 22 ވަނަ ނުކުތާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަން ކަނޑައަޅާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11.3. ތިންވަނަ ނުކުތާއަކީ، ވަޒީފާއާބެހޭ ހުރިހާ ބާވަތެއްގެ މައްސަލަތަކުގައިވެސް، އެއްވެސް މީހަކު ވަޒީފާއިން ވަކިކުރެވިފައިވަނީ ޢަދުލުވެރިކަމާއެކު ކަމަށް ކަނޑައެޅުމުގައި އެމީހަކު ވަޒީފާއިން ވަކިކުރުމުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަމާއި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައި އޮވެގެން މެނުވީ އެމީހަކު ވަޒީފާއިން ވަކިކުރެވެނީ ރަނގަޅަށްކަން ކަނޑަނޭޅޭނެ ކަމަށް ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގައި ކަނޑައަޅާފައިވާ ކަމާއި، މި އުޞޫލަށް ބަލާއިރު ޢަލީ ޝާހް ކަސްޓަމްސް ގެ ވަޒީފާއިން ވަކިކުރުމުގައި މިދެންނެވި އިޖުރާއީ ޢަދުލުވެރިކަމާއި އަދި މައުޟޫޢީ އަދުލުވެރިކަން ޤާއިމްވެފައި ނެތުމުން، ޢަލީ ޝާހް ވަޒީފާއިން ވަކިކުރެވިފައިވަނީ ރަނގަޅަށް ނޫންކަން އެނގެން އޮތްއިރު، މިކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ފުރިހަމައަށް ރިޢާޔަށްކޮށްފައި ނުވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

11.4. ހަތަރުވަނަ ނުކުތާއަކީ، ޢަލީ ޝާހް އާއި ކަސްޓަމްސް އާ ދެމެދު އޮންނަންޖެހޭ އިތުބާރު

(trust and confidence) ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖް ހުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް7 ގަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

12. ފުރަތަމަ ތިން އިސްތިއުނާފީ ނުކުތާގައި ވެސް ޢަލީ ޝާހްގެ ފަރާތުން ފާހަގަކޮށްފައިވަނީ ޢަލީ ޝާހް ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހު ކަމަށް ހައިކޯޓުން ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އެހެންކަމުން ފުރަތަމަ ތިން އިސްތިއުނާފީ ނުކުތާއަށްވެސް ބަލާލެވިފައިވާނީ އެކުއެކީގައެވެ.

މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން

13. ފުރަތަމަ ތިން އިސްތިއުނާފީ ނުކުތާ ތަފްޞީލުގައި ޢަލީ ޝާހްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުގެ ތެރޭގައި އަންނަނިވި ކަންކަން ފާހަގަކުރެވެއެވެ.

13.1. ޢަލީ ޝާހް ގެ މައްޗަށް ތުހުމަތު ކުރެވުނުފަދަ މައްސަލަތަކަކީ ދިވެހިރާއްޖޭގެ ކަސްޓަމްސް ޤާނޫނު8 ގެ 97 ވަނަ މާއްދާގެ ދަށުން ޖިނާއީ ތަޙުޤީޤެއް ކުރަންޖެހޭ ފަދަ މައްސަލަތަކެއް ކަމާއި، ސިއްރުން ތަކެތި އެތެރެ ކުރާ ޙާލަތުގައި އެ ތުހުމަތުވެސް ކުރެވެން ވާނީ ޖިނާއީ ތަޙުޤީޤެއް ހިންގައި، ކަންކަން ހޯދިގެން ކަމަށާއި، ޖިނާއީ ތުހުމަތު އިދާރީގޮތުން ކުރިނަމަވެސް އެކަން ކުރިކަން ސާބިތުނުވާނެކަން؛

13.2. ތުހުމަތު ކުރެވުނު ބާވަތުގެ ޢަމަލެއް ކުރުމަށް އެހީތެރިވެވޭނެ އެއްވެސް ޙާލަތެއްގައި ޢަލީ ޝާހް ހުރިކަން އެނގެން ނެތްކަން ކަސްޓަމްސް އިން ހުށަހެޅި ލިޔެކިޔުންތަކުން އެނގެން އޮންނަކަމާއި، ޢަލީ ޝާހް ގެ ފަރާތުން ބުނާ ބުނުމަކީ ޝައްކުކުރެވޭ ޙާލަތުގައި ޗެކް ކުރުމަށް އޮތް ހުރަހެއް ކަމަށް ޤަބޫލުކުރެވޭނެ އެއްވެސް ހަމައެއް ނެތްކަން؛

13.3. މި މައްސަލަ ބަލަން މިނިސްޓަރ އޮފް ހޯމް އެފެއަރޒް އެދިފައިވާއިރު، ނުބަލައި ދޫކޮށްލުމުން ޤާނޫނުއަސާސީގެ 43 (ހ) ގައި ބަޔާންކުރާ، އަދުލު އިންސާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސްމިނެއްގައި ކަންކުރެވުމަށް ލިބިގެންވާ ޙައްޤު ޢަލީ ޝާހް އަށް ގެއްލިގެން ގޮސްފައިވާކަން.

14. މި މައްސަލައިގައި އިޖުރާއީ އިޢުތިރާޟެއް ނަގައި، ކަސްޓަމްސް ގެ ފަރާތުން ބުނެފައިވަނީ ޢަލީ ޝާހް ވަޒީފާއިން ވަކިކުރެވިދާނެ މަޤުބޫލު ސަބަބެއް މެދުވެރިވެފައިވާކަމަށާއި، އެއީ ނޯޓިސް ނުދީ ވަޒީފާއިން ވަކިކުރަން އެކަށީގެންވާފަދަ ޢަމަލެއް ކަމުގައި ބުރަވެވޭކަމަށް ޓްރައިބިއުނަލްގެ ރިޕޯޓުގައި ބަޔާންވެފައިވާ ކަމަށާއި، އެ ނިންމުން ޤާނޫނީ އުސޫލުތަކާ ޚިލާފުކަމަށް ދެކިގެން ޢަލީ ޝާހް ގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައި ނުވާތީ އެ ނިންމުން ނިހާއީ ވެފައިވާކަމަށެވެ. އެހެންކަމުން ޢަލީ ޝާހް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެންތޯ ނުވަތަ ނޫންތޯ މި ސުވާލު ސުޕްރީމް ކޯޓުގައި އުފުލުމުގެ ޙައްޤު ޢަލީ ޝާހް އަށް ލިބިގެންނުވާކަމަށް ބުނެފައިވެއެވެ.

15. ކަސްޓަމްސްގެ މި އިޖުރާއީ އިޢުތިރާޟު ގުޅިފައިވަނީ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްކުރެވިފައި ވުމާމެދުއެވެ.

(ހ) މައުޟޫޢީ ޢަދުލުވެރިކަން

16. މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ ޢަދުލުވެރި، ނުވަތަ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާނަމަ މައުޟޫޢީ ޢަދުލުވެރިކަން ޤާއިމްވެފައިވާކަމަށް ބެލެވޭނެކަން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ސުޕްރީމް ކޯޓުގެ ޢަލީ ޢައްޒާމް އަދި އިތުރު 4 ފަރާތެއް ވ. މޯލްޑިވްސް އިންފްލައިޓް ކޭޓަރިންގ ޕްރައިވެޓް ލިމިޓެޑް9 ގަޟިއްޔާ އާއި މިނޫންވެސް މިކޯޓުގެ އެހެން ގަޟިއްޔާތަކުގައި ބަޔާންކޮށްފައިވެއެވެ.10

17. ޤަވާޢިދާ ޚިލާފަށް ދޫނިތަކެއް އެތެރެކުރުމަށް އެހީތެރިވެދީފައިވާކަމުގެ ތުހުމަތު ޢަލީ ޝާހްގެ މައްޗަށް ކުރެވިގެން ވަޒީފާއިން ވަކިކުރުމަށް ކަސްޓަމްސް އިން ނިންމާފައިވާއިރު، ޢަލީ ޝާހް ބުނެފައިވަނީ މިބާވަތުގެ ކަމެއް ކުރުމަށް އެހީތެރިވެވޭނެ އެއްވެސް ޙާލަތެއްގައި ޢަލީ ޝާހް ހުރިކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތްކަމަށާއި، މުޙައްމަދު މުސްޠަފާ ގެނައި ތަކެއްޗާ ގުޅޭގޮތުން ޢަލީ ޝާހް ބުނާ ބުނުމަކީ ޝައްކު ކުރެވޭ ޙާލަތުގައި ޗެކް ކުރުމަށް އޮތް ހުރަހެއް ކަމަށް ނުދެކޭ ކަމަށެވެ. އެގޮތުން އެކްސްރޭ މެޝިން ކައިރީގައި ހުރި އޮފިސަރ، އައިމިނަތު ރަޝީދާއަށް ލަގެޖްގައި ހުރީ ބަދިގެ ސާމާނާއި ކޯޗެއްކަން ނޭނގޭކަމަށް ބުނި ކަމަށާއި، އަދި ދެން އެތާނގައި ހުރި އޮފިސަރ، އަޒުމަތު ޝާކިރު އެވަގުތު އެއަށް ސަމާލުކަން ދީގެން ނެތްވާހަކަ ބުނެފައިވާކަމަށެވެ. މީގެ އިތުރުން އެސިސްޓަންޓް އޮފިސަރ އިންޗާޖްގެ ގޮތުގައި ކަސްޓަމްސް އޮފިސަރ ގްރޭޑް 1، އަޙްމަދު ނަސީމް އެތަނުގައި ޙަރަކާތްތެރި ވަމުން ދިޔަ ކަމަށާއި، ސްކޭން ކުރުމަށްފަހުވެސް މުޙައްމަދު މުސްޠަފާ މަޑުކޮށްގެން ހުރިކަން ސީސީޓީވީ ފުޓޭޖުން ފެންނަ ކަމަށާއި، އެހެން ނަމަވެސް އިތުރަށް ބަލާފާސްކުރުމަށް އެއްވެސް އޮފިސަރެއްގެ ފަރާތުން އެއްވެސް ޢަމަލެއް ނުފެނުނުތާ އިންޗާޖްވެސް އަޅާނުލާ ދޫކޮށްލިކަން އެނގެން އޮންނަ ކަމަށެވެ.

18. މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަމާމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ހުށަހެޅިފައިވާ ލިޔެކިޔުމަށް ބަލާއިރު މިސްރާބު އައިސް ހުއްޓެނީ އެންމެ ކަމެއްގެ މައްޗަށެވެ. އެއީ، ޢަލީ ޝާހް ވަޒީފާގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަގޮތުގައި އަދާކޮށްފައިވޭތޯ ނުވަތަ ނޫންތޯ، މިކަމުގެ މައްޗަށެވެ.

19. ހާދިސާ ހިނގި ދުވަހު އެއަރޕޯޓުގެ އެރައިވަލް ހޯލުގެ ބޭރުގައި ހުންނަ މެޝިނަކުން އެކްސްރޭ ކުރުމަށްފަހު އިތުރަށް ޗެކް ކުރަންޖެހޭކަން އަންގައިދޭ ސްޓިކާއެއް މުޙައްމަދު މުސްޠަފާގެ ލަގެޖްތަކެއްގައި ޖަހާފައިވެއެވެ.11 ސްޓިކާ ނުޖަހާ ލަގެޖްތައް ބެލްޓް މަތިން ނެގުމަށްފަހު ފަސިންޖަރުން ނިކުމެގެން ދަނީ ކަސްޓަމްސް ޗެކިންގ އޭރިއާގައި ހުންނަ ގްރީން ޗެނަލުންނެވެ. އަދި ސްޓިކާ ޖަހާފައި ހުންނަ ލަގެޖް ބެލްޓުން ނެގުމަށްފަހު އެ ލަގެޖް ގެންދަންޖެހެނީ އިތުރަށް ޗެކް ކުރުމަށްޓަކައި ޗެކިންގ އޭރިއާގައި ހުންނަ ރެޑް ޗެނަލް އަށެވެ.12 ޢަލީ ޝާހް އަކީ މި ދުވަހު ގްރީން ޗެނަލަށް އެސައިންކުރެވިފައިވާ ފަރާތްކަމުގައި ކަސްޓަމްސް ގެ ފަރާތުން ބުނެފައިވެއެވެ.13

20. މުޙައްމަދު މުސްޠަފާ ލަގެޖްތައް ބެލްޓުން ނަގައި ގްރީން ޗެނަލްއާ ދިމާއަށް ދާއިރު ބަލަހައްޓައިގެން ހުރެފައި،14 ޢަލީ ޝާހްވެސް ގްރީން ޗެނަލްއާ ދިމާއަށް ދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.15 އަދި އެއަށްފަހު މުޙައްމަދު މުސްޠަފާގެ ލަގެޖް ޓްރޯލީގައި ދިގުކޮށް ޕެކް ކޮށްފައި އޮތް އެއްޗެއް ނަގައި ޢަލީ ޝާހް އަތަށް ދިނުމުން،16 އެ އެއްޗެއް ހިފައިގެން ޢަލީ ޝާހް ރެޑް ޗެނަލްގެ އެކްސްރޭ މެޝިން ކައިރިއަށް ގޮސްފައިވެއެވެ.17 އަދި އެ ޕެކޭޖް ސްކޭން ކުރެވުމުން، ޕެކޭޖް މެޝިނުން ނަގައިގެން ގެންދިއުމަށްފަހު،18 އަނެއްކާވެސް ލަގެޖް ޓްރޯލީ ހިފައިގެން އަނބުރާ ރެޑް ޗެނަލްއަށް މުޙައްމަދު މުސްޠަފާ ގޮސްފައިވެއެވެ.19 އޭރު ރެޑް ޗެނަލް އެކްސްރޭ މެޝިން ކައިރީގައި ޢަލީ ޝާހް މަޑުކޮށްލައިގެން ހުރި މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނެއެވެ.20 މިކަންކަމަށް ރިޢާޔަތްކުރާއިރު، ޢަލީ ޝާހް އަކީ ގްރީން ޗެނަލްއަށް އެސައިން ކުރެވިފައިވާ އޮފިސަރު ކަމުގައި ވިޔަސް، މުޙައްމަދު މުސްޠަފާ ގެ ލަގެޖަކީ އިތުރަށް ޗެކް ކުރަން ޖެހިފައިވާ ލަގެޖްތަކެއްކަން ޢަލީ ޝާހްއަށް އެނގިފައިވާކަން ސާފުވެއެވެ.

21. ޙާދިސާ އަށް ބިނާކޮށް ކަސްޓަމްސް އިން ތައްޔާރުކޮށްފައިވާ ތަޙުޤީޤު ރިޕޯޓަށް ބަލާއިރު، ހާދިސާ ހިނގިވަގުތު އެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދިޔަ މުވައްޒަފުންގެ ބަޔާންތަކުން އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.

21.1. ރެޑް ޗެނަލްގެ އެކްސްރޭ މެޝިންގައި ހުރި އިމޭޖަށް ބަލައި، އެއީ ކާކުގެ ފޮއްޓެއްތޯ ކަސްޓަމްސް އޮފިސަރ ގްރޭޑް 2، ރަޒީނާ ޢަބްދުﷲ އެހުމުން، އެއީ 'މުސްތޮ [މުޙައްމަދު މުސްޠަފާ] ގެނައި އެއްޗެހި ކަމަށާއި އޭގައި ހުރީ ބަދިގެ ސާމާނުތަކެކޭ' ޢަލީ ޝާހް ބުނި ކަމަށް، އެސިސްޓަންޓް ކަސްޓަމްސް އޮފިސަރ، އަޖްމަލް ލަޠީފް ބުނެފައިވާކަން؛

21.2. އެކްސްރޭ އިމޭޖުގައި ހުރި އެއްޗަކާ މެދު ޝައްކު ކުރެވި އެއީ 'ދޫނިހެން ހީނުވޭހެއްޔޭ' ކަސްޓަމްސް އޮފިސަރ ގްރޭޑް 2، ރަޒީނާ ޢަބްދުﷲ އެހުމުން، 'އެއީ ޒިވަރޭގެ ގެސްޓްހައުސްއަށް މުސްތޮ [މުޙައްމަދު މުސްޠަފާ] ގެނައި ބަދިގޭ ސާމާނުކަމަށް' ޢަލީ ޝާހް ބުނިއަޑު އިވުނުކަމަށް ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1، އަޙްމަދު ނަސީމު ބުނެފައިވާކަން؛

21.3. އެރައިވަލް ހޯލުގެ ބޭރުގައި ހުންނަ އެކްސްރޭ މެޝިން ކައިރީގައި ހުރެފައި އެރައިވަލް ހޯލުގެ އެތެރޭގައި ހުރި މެޝިން ކައިރިއަށް ގޮސް، ސްޓިކާ ޖަހާފައިހުރި ދެ ފޮށި ނުހުޅުވާ ދޫކުރީ ކީއްވެތޯ ސުވާލުކުރުމުން، އެ ދެ ފޮށީގައި ހުރީ ބަދިގެ ސާމާނު ކަމަށާއި، އޭގައި ގޯހެއް ނެތްކަމަށް ޢާލީ ޝާހް ބުނެފައިވާކަމަށް، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2، ރާމިޒާ ޙުސައިން ބުނެފައިވާކަން؛

21.4. މުޙައްމަދު މުސްޠަފާގެ ލަގެޖްގެ އެކްސްރޭ އިމޭޖްގައި ހުރި އެއްޗެއް ނޭނގޭ ކަމަށް ޢަލީ ޝާހް ގާތު ބުނުމުން، އޭގައި ހުރީ 'ޒިވަރޭގެ ބަދިގެ ސާމާނު' ކަމަށް ބުނިކަމަށާއި، ލަގެޖް ހުޅުވުމަށް ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2، ރާމިޒާ ޙުސައިން ގާތު ބުނުމުން ޢަލީ ޝާހް މުޙައްމަދު މުސްޠަފާއާ ވާހަކަ ދެއްކުމަށްފަހު 'އޯކޭއޭ، އޭގައި ހުރީ ޒިވަރޭގެ ބަދިގެ ސާމާނޭ' ޢަލީ ޝާހް ބުނިކަމަށް، ކަސްޓަމްސް އޮފިސަރ ގްރޭޑް 2، އައިމިނަތު ރަޝީދާ ބުނެފައިވާކަން؛

21.5. އެކްސްރޭ މެޝިން ކައިރިއަށް ގޮސް މެޝިންގައި ފެންނަންހުރި އިމޭޖް ބަލާލުމަށްފަހު 'މެޝިން އޮޕަރޭޓްކުރަން އިންނަ އޮފިސަރު ލަގެޖެއް ހުޅުވައިގެން ބަލަން ބޭނުންވާނަމަ އެކަން އެގޮތަށް ކުރަންވާނެ' ކަމަށް ޢަލީ ޝާހް ގާތު ބުނުމުން، އެއީ 'މުޙައްމަދު މުސްޠަފާ ކަމަށާއި، އޭނާ ގޯސް އެއްޗެއް ނުގެންނާނެ ކަމަށާއި، އޭގައި ހުރީ ޒިވަރޭގެ ގެސްޓް ހައުސްގެ މުދަލޭ' ޢަލީ ޝާހް ބުނިކަމަށް، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1، އަޒްމަތު ޝާކިރު ބުނެފައިވާކަން؛

21.6. މުޙައްމަދު މުސްޠަފާ ލަގެޖް ނަގައި ޓްރޯލީއަށް ލުމަށްފަހު ނުކުންނަން ދަނިކޮށް، 'ސްޓިކާ ޖަހާފައި ހުރިއްޔާ ކަސްޓަމްސް އޮފިސަރަކަސް ބަލަންޖެހޭނެނޫންހޭ' ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2، ރާމިޒާ ޙުސައިން ބުނުމުން، ތިމަންނަމެން 'ރާމިޒާ އައުމުންވެސް ބަލަންވީހޭ، ކަސްޓަމްސް އޮފިސަރުންނަށް އިތުބާރުކުރަންޖެހޭނެއޭ' ޢަލީ ޝާހް ބުނިކަމަށް، އެސިސްޓަންޓް ކަސްޓަމްސް އޮފިސަރ އަޖްމަލް ލަޠީފް ބުނެފައިވާކަން.

22. މިއިން އެއްވެސް ކަމެއް ހިނގާފައިވާކަމަށް ޢަލީ ޝާހް އިންކާރުކޮށްފައި ނުވެއެވެ. މިބާވަތުގެ ކަމެއް ކުރުމަށް އެހީތެރިވެވޭނެ އެއްވެސް ޙާލަތެއްގައި ޢަލީ ޝާހް ހުރިކަން ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން ނެތްކަމަށް ޢަލީ ޝާހް ބުނާއިރު، ހާދިސާ ހިނގާދިޔައިރު ޑިއުޓީ ގައި ތިބި ހުރިހާ މުވައްޒަފުންގެ ތެރެއިން މަޤާމުގެ ގޮތުން އެންމެ އިސްކޮށް ހުރި ފަރާތަކީ ޢަލީ ޝާހް ކަން ކަސްޓަމްސްގެ ތަޙުޤީޤު ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.21 އަދި މުޙައްމަދު މުސްޠަފާ ގެނައި ތަކެއްޗާ ގުޅޭގޮތުން ޢަލީ ޝާހް ބުނާ ބުނުމަކީ ޝައްކު ކުރެވޭ ޙާލަތުގައި ޗެކް ކުރުމަށް އޮތް ހުރަހެއް ކަމަށް ނުދެކޭ ކަމަށް ޢަލީ ޝާހް ބުނާއިރު، ޢަލީ ޝާހްގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކޮށްފައި ނުވިތާ، އެތާ ދެން ތިބި މުވައްޒަފުންގެ ޒިންމާ އަދާކުރުމަށްވެސް ޢަލީ ޝާހް ހުރަސްއަޅާފައިވާކަން ސާފުކޮށް އެނގެން އެބައޮތެވެ. އަދި އެތާ ދެން ތިބި މުވައްޒަފުންނަށް މުޙައްމަދު މުސްޠަފާގެ ލަގެޖްގެ އެކްސްރޭ އިމޭޖުން ފެންނަ އެއްޗެއް ނޭނގޭ ކަމަށް ބުނެފައިވުމާއި، އެ މުވައްޒަފުން އިމޭޖަށް ސަމާލުކަންދީގެން ނެތުމާއި، އިންޗާޖަކަށް ހުރި ފަރާތް އެ ލަގެޖްތައް ޗެކް ނުކޮށް އަޅާނުލާ ދޫކުރި ކުރުމަކީ، ޢަލީ ޝާހްގެ ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް އޮތް ހުރަހެއް، ނުވަތަ ވަޒީފާގެ މަސްއޫލިއްޔަތު ހެޔޮގޮތުގައި އަދާނުކުރެވުމުގެ ޞައްޙަ ދިފާޢެއް ވެސް ނޫނެވެ.

23. އެހެންކަމުން ޢަލީ ޝާހް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށް ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ކަމުގައި ދެކެމެވެ.

(ށ) އިޖުރާއީ ޢަދުލުވެރިކަން

24. އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ނުވާ ސަބަބެއްގެ ގޮތުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމުގައި ވަނީ، ޙާދިސާ ހިނގާދިޔަ ފަހުން ވެސް 01 އަހަރާއި 05 މަސްދުވަހު ޢަލީ ޝާހް ވަޒީފާގައި ގެންގުޅެފައިވުމުން ވަޒީފާއިން ވަކިކުރެވިފައިވަނީ ހާދިސާގެ މުއާލާތް ކެނޑުނު ފަހުން ކަމުގައިވާތީ މިއީ ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) އާ ޚިލާފުވުން ކަމުގައެވެ.

25. މިނުކުތާއަށް ރައްދުދެމުން ކަސްޓަމްސް ގެ ފަރާތުން ބުނެފައިވަނީ ޓްރައިބިއުނަލްގެ ނިންމުމުގައި، ތުހުމަތު ކުރެވުނު ކަންކަމާބެހޭ މަޢުލޫމާތު ޢަލީ ޝާހް އަށް ދީ އެކަންކަމަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ކަސްޓަމްސް އިން ދީފައިވާ ކަމާއި، އިދާރީ ގޮތުން ތަޙުޤީޤު ކޮށްފައިވާކަން ބަޔާންކޮށްފައިވާ ކަމަށެވެ.

26. އިޖުރާއީ ޢަދުލުވެރިކަމާ ގުޅިގެން ހައިކޯޓުން ނިންމާފައިވަނީ ޙާދިސާ ހިނގުމަށްފަހު ޢަލީ ޝާހް އާމެދު ފިޔަވަޅެއް ނޭޅި ގިނަ ދުވަސް ވެފައިވުމަކީ ހަމައެކަނި އެ ސަބަބުގެ މައްޗަށް ބަލައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނެތްކަމަށް ބެލެވޭނެ ހަމައެއް ނޫންކަމަށެވެ.22

27. ހުށަހެޅިފައި މިވާ މައްސަލައިގައި ހިމެނޭ ޙާދިސާ ހިނގާފައިވަނީ 05 އެޕްރީލް 2017 ގައެވެ. އަދި ޙާދިސާއާ ގުޅިގެން ކުރެވުނު ތަޙުޤީޤާ ގުޅޭ ރިޕޯޓު 24 އެޕްރީލް 2017 ގައި ތައްޔާރުކޮށްފައިވެއެވެ.23 އެއަށްފަހު 15 މެއި 2017 ގައި ޢަލީ ޝާހް ވަޒީފާއިން ވަކިކުރަން މިނިސްޓަރަށް ލަފާ އެރުވުމަށް ނިންމާފައިވެއެވެ.24 އަދި މި ނިންމުމަށް އިތުރު ބަދަލެއް ގެންނަން ނުފެންނަ ކަމަށާއި، އެ ނިންމުމާ އެއްގޮތަށް ޢަމަލުކުރުމަށް މިނިސްޓަރަށް ލަފާ އެރުވުމަށް 16 ސެޕްޓެންބަރު 2018 ގައި ނިންމާފައިވެއެވެ.25 އެހެންކަމުން މައްސަލަ އަލުން ބެލުމަށް އަންގައި، 06 ނޮވެންބަރު 2018 ގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒްގެ ފަރާތުން ކަސްޓަމްސް އަށް ސިޓީ ފޮނުވިއިރު، މި މައްސަލައާ ގުޅިގެން ދެ ފަހަރެއްގެ މަތިން ކަސްޓަމްސްގެ ހިއުމަން ރިސޯސް މެނޭޖަމަންޓް ބޯޑުން މަޝްވަރާކޮށް، އެއް ނަތީޖާއަކާ ހަމައަށް ވާޞިލްވެފައިވާކަން އެނގެން އޮވެއެވެ.

28. ޢަލީ ޝާހްގެ ފަރާތުން އިތުރަށް ބުނެފައިވަނީ ޙާދިސާ ހިނގި ތާރީޙާއި، ވަޒީފާއިން ވަކިކުރި ތާރީޚާ ދެމެދު ޢަލީ ޝާހް އެހެން ސެކްޝަނަކަށް ބަދަލުކޮށްފައިވަނީ ޢަލީ ޝާހް އާމެދު އެޅުނު އިސްލާޙީ ފިޔަވަޅެއްގެ ގޮތުގައިކަން ބުރަވެވޭކަމެވެ. އެހެންކަމުން، މި ކަމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބުނާ އެއްކުށަކަށް ދެފަހަރު އަދަބު ދިނުންކަމުގައި އެނގޭކަމަށެވެ.

29. ޤާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބަޔާންވެފައިވަނީ؛

60 (ހ) ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމްކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަށް ނުއުފުލޭނެއެވެ. އަދި ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެކުށުގެ ނުވަތަ އެ ކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާ އެ މީހެއްގެ މައްޗަކަށް ނުއުފުލޭނެއެވެ.

30. ހުށަހެޅިފައިވާ މައްސަލައިގައި ހިމެނޭ ޙާދިސާ ހިނގާދިޔަ ފަހުން ޢަލީ ޝާހް ކަސްޓަމްސްގެ ޕެސެންޖަރ ކްލިއަރެންސް ސެކްޝަނުން އިންވެންޓްރީ މެނޭޖްމަންޓް ސެކްޝަނަށް ބަދަލުކޮށްފައިވާކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ޢަލީ ޝާހްގެ މުސާރައާއި ޢިނާޔަތްތައް ބަޔާންކޮށްދޭ ލިޔުމުން އެނގެއެވެ.26 އިންވެންޓްރީ މެނޭޖްމަންޓް ސެކްޝަނަށް ބަދަލުކޮށްފައިވީ ނަމަވެސް ޢަލީ ޝާހް ކަސްޓަމްސްގައި އަދާކުރަމުންދިޔަ މަޤާމަށް އެއްވެސް ބަދަލެއް އައިސްފައި ނުވާކަން މި ލިޔުމުން އެނގެއެވެ. މީގެ އިތުރުން ޙާދިސާއާ ގުޅިގެން ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން އަޅަން ނިންމި ފިޔަވަޅަކީ ޢަލީ ޝާހް ވަޒީފާއިން ވަކިކުރުން އެކަނި ކަމާއި، މިނިސްޓަރުގެ ލަފާއަށް އެދިފައިވަނީ ވެސް ވަޒީފާއިން ވަކިކުރުމާ ގުޅިގެންކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެއެވެ.27

31. އަލީ ޝާހް މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ އެހެން ޑިޕާޓްމަންޓަކަށް ބަދަލުކޮށްފައިވަނީ ޖޮބް ރޮޓޭޝަންގެ އުސޫލުން ކަމުގައި ކަސްޓަމްސް ގެ ފަރާތުން ހައިކޯޓުގައި ބުނެފައިވެއެވެ.28 މި ބުނުމުގެ މައްޗަށާއި، ހުށަހެޅިފައިވާ ލިޔެކިޔުންތަކުގެ މައްޗަށް ބިނާކޮށް ހައިކޯޓުން ނިންމާފައިވަނީ މިއީ އެއް ކުށަކަށް ދެ އަދަބު ދިނުން ކަމުގައި ބެލެވެން ނެތަތީ، މި މައްސަލައަށް ޤާނޫނުއަސާސީގެ 60 ވަނަ މާއްދާ ތަޠުބީޤު ނުކުރެވޭނެ ކަމަށެވެ. ޤާނޫނު އަސާސީގެ 60 ވަނަ މާއްދާއަކީ ޖިނާއީ މައްސަލަތަކަށް ޚާއްޞަ މާއްދާއެއްކަން ފާހަގަކޮށްލަމެވެ.

32. އިދާރީ ފިޔަވަޅެއް އެޅުމުގެ ގޮތުން ވަޒީފާގެ މަސްއޫލިއްޔަތުތައް ބަދަލުކޮށްފައިވާނަމަ، އެ ބަދަލާއެކު އަދާކުރާ މަޤާމު ދަށްވުމުގެ އިތުރުން، މުސާރައާއި އިނާޔަތްތަކަށް ސަލްބީ ބަދަލެއް އަންނާނެކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާލާއިރު އެނގެއެވެ. މިއިން އެއްވެސް ބަދަލެއް އައިސްފައިވާކަން ޢަލީ ޝާހްގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުން އެނގެން ނެތަތީ، ޢަލީ ޝާހް ގެ ވަޒީފާގެ މަސްއޫލިއްޔަތުތައް ބަދަލުކުރެވިފައިވަނީ ޖޮބް ރޮޓޭޝަންގެ އުސޫލުންކަން ޤަބޫލުކުރެވެއެވެ.

33. ޢަލީ ޝާހް ކަސްޓަމްސް ގެ އެހެން ޑިޕާޓްމަންޓް އަކަށް ބަދަލުކޮށްފައިވަނީ ކަސްޓަމްސް ތަޙުޤީޤަށް ސާބިތުވި ކުށަށް އަދަބު ދިނުމުގެ ގޮތުން ކަމުގައި ޢަލީ ޝާހް ގެ ފަރާތުން ބުނާއިރު، އެކަމަށް ބާރުދިނުމުގެ ގޮތުން، ނުވަތަ އެއީ ޖޮބް ރޮޓޭޝަންގެ އުސޫލުން ކުރެވުނު ކަމެއް ނޫންކަމަށް ސާބިތުކޮށްދިނުމުގެ ގޮތުން އެއްވެސް ހެއްކެއް ޢަލީ ޝާހް ގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ.

34. ވުމާއެކު، ޢަލީ ޝާހް ވަޒީފާއިން ވަކިކޮށްފައިވަނީ ޙާދިސާ ހިނގިތާ ގިނަ ދުވަސްތަކެއް ފާއިތުވި ފަހުން ކަމުގައި ވިޔަސް، ހާދިސާއާ ގުޅިގެން ޢަލީ ޝާހް އާ ދެކޮޅަށް އަޅާނެ ފިޔަވަޅެއް ކަސްޓަމްސް އިން ވަނީ ނިންމާފައެވެ. އަދި އޭގެ ފަހުން ކަސްޓަމްސް ގެ މައްޗަށް ލާޒިމްވި އިޖުރާއަތުތައް ވެސް ކަސްޓަމްސް ގެ ފަރާތުން ފުރިހަމަކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔެކިޔުމުން އެނގެން އޮވެއެވެ. މި ސަބަބަށްޓަކައި، ޢަލީ ޝާހް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރެވިފައިވާ ކަމުގައި ހައިކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ.

އިތުބާރު ގެއްލިފައިވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުން

35. ކަސްޓަމްސްގެ ފަރާތުން ޢަލީ ޝާހް ގެ މައްޗަށް ކުރާ އިތުބާރު ކުޑަވެފައިވާ ކަމަށް ކަނޑައަޅާފައިވަނީ ގޯސްކޮށް ކަމަށް ބުނެ ޢަލީ ޝާހް ގެ ފަރާތުން ޙަވާލާދީފައިވަނީ ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް29 ގަޟިއްޔާއެވެ.

36. މިނުކުތާގެ ރައްދުގައި ކަސްޓަމްސްގެ ފަރާތުން ބުނެފައިވަނީ، އާމިނަތު އަރީޖް ޙުސައިން30 ގަޟިއްޔާގައި ކަނޑައަޅާފައިވާ ފަދައިން، ވަޒީފާދޭ ފަރާތުން ހައިސިއްޔަތުން ކަސްޓަމްސް ގެ ފަރާތުން ޢަލީ ޝާހް ވަޒީފާއިން ވަކިކުރެވޭފަދަ ޙާލަތެއް އޮތްކަން އިޖާބީ ގޮތެއްގައި ސާބިތުކޮށްދީފައިވާނެކަމަށާއި، އެފަދައިން ސާބިތުކޮށްދީފައިވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވެސް ކަނޑައަޅާފައިވާ ކަމަށެވެ.

37. ޢަލީ ޝާހް ވަޒީފާއިން ވަކިކުރުމުގައި ޙަވާލާދެވިފައިވަނީ ކަސްޓަމްސް މުވައްޒަފުންގެ ޤަވާޢިދުގެ 124 ވަނަ މާއްދާގެ (ށ) އަށެވެ.31 އެ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.

124 (ށ) މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ކުރާ ތަޙުޤީޤަށް މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާއި އަދަބާ ޚިލާފު ޢަމަލެއް ކޮށްފިކަން ކަސްޓަމްސްގެ ތަޙުޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް ފަދަ ތަންފީޒީ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއް ކަމަށް އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ހިއުމަން ރިސޯސް މެނޭޖްމަންޓް ބޯޑުން ނިންމުން؛

38. ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލް ވ. ޢަލީ ނަޝީދު32 މައްސަލައަކީ ފުލުހެއްގެ މައްޗަށް ޣައިރު ސުލޫކީ ޢަމަލެއް ކުރިކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފުލުހުންގެ ވަޒީފާއިން އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަކިކުރަން ނިންމި ނިންމުމާގުޅޭ މައްސަލައެކެވެ. ޢަލީ ނަޝީދު33 ގަޟިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދު ބަޔާންކުރައްވާފައިވަނީ، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ، ފުލުހަކު ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފު ޢަމަލެއްކޮށްފިކަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވުމުގެ އިތުރަށް، އެމީހާ ކުރި ޢަމަލުގެ ޒާތަށް ބަލާއިރު އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އޭގެ ސަބަބުން އެތަނުގެ އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެނުމުން ކަމަށެވެ. އަދި އެ ތުހުމަތުކުރެވޭ ޢަމަލުގެ ބާވަތަކީ ފުލުހުންގެ މައިގަނޑު ވާޖިބާއި މަސްއޫލިއްޔަތާ ފުށުއަރާ ޢަމަލެއް ކަމުގައިވާނަމަ، އެ ޢަމަލަކީ އޭގެ ޒާތުގައި އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ބެލެވިދާނެ ކަމަށްވެސް ބަޔާންކުރައްވާފައިވެއެވެ. ޢަލީ ނަޝީދު34 ގަޟިއްޔާގައި އިތުރަށް ކަނޑައަޅާފައިވަނީ، ފުލުހަކު ވަޒީފައިން ވަކިކުރާ ޙާލަތުގެ މައްޗަށް ހިނގަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ ޢާންމު ހަމަތަކާއި މިންގަނޑުތައް ނޫންކަމަށާއި، އެގޮތުން ފުލުހުންނަކީ، ހުވައެއްމަތީގައި ތިބެ، ޤާނޫނު ތަންފީޒުކޮށް އަމަން ބަލަހައްޓާ މުއައްސަސާއެއްގައި މަސައްކަތްކުރާ ބަޔަކު ކަމަށްވާތީ، ޤާނޫނު ތަންފީޒުކުރުމާއި އަމަން ބެލެހެއްޓުމާ ގުޅޭކަންކަމުގައި ފުލުހުންގެ މުއައްސަސާއަށް އެއްބާރުލުން ދިނުމާއި ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބުކަމަށްވާއިރު، އެ ވާޖިބާ ފުށުއަރާފަދަ ގޮތަކަށް ފުލުހެއްގެ ޢަމަލު ހުރެއްޖެނަމަ، އެކަމުގެ ސަބަބުން މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުންކުރާ އިތުބާރަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށްވާތީވެ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވޭތޯ ބެލުމުގައި ރިޢާޔަތްކުރާނޭ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ އާންމު ގާނޫނުގެ ދަށުން ރިޢާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެ ކަމަށެވެ.

39. ފުލުހުން ފަދައިން، ކަސްޓަމްސްގެ މުވައްޒަފުންނަކީވެސް ޤާނޫނު ތަންފީޒު ކުރުމަށް ޙަވާލުވެތިބޭ މުވައްޒަފުންތަކެކެވެ. ދިވެހިރާއްޖެއަށް މުދަލާއި އެހެނިހެން ތަކެތި އެތެރެކުރެވޭ ދޮރުގެ ފާރަވެރިންނެވެ. ކަސްޓަމްސް ޤާނޫނާއި ޤަވާޢިދުގެ ދަށުން އަދާކުރަން މަތިކޮށްފައިވާ ވާޖިބާ ފުށުއަރާފަދަ ޢަމަލެއް އެފަދަ މުވައްޒަފަކު ކޮށްފިނަމަ ޤައުމީ ސަލާމަތަށް ނުރައްކާވާނެ ޙާލަތެއް މެދުވެރި ވުމުގެ ފުރުޞަތު އޮތީ ނުހަނު ފުޅާކޮށެވެ. މި ސަބަބަށްޓަކައި، ޢަލީ ޝާހްގެ މައްޗަށް ތުހުމަތު ކުރެވުނު ފަދަ ޙާދިސާތަކަކީ، އެފަދަ ޙާދިސާއެއް ހިނގާދިޔަތާ ގިނަ ދުވަސްތަކެއް ފާއިތުވުމުގެ ސަބަބުން، ކަމުގެ މުއާލާތް ކެނޑި، އެ މުވައްޒަފަކަށް މުއައްސަސާއިންނާއި ޢާންމު ރައްޔިތުން ކުރާ އިތުބާރު އަލުން އިއާދަވާނެ ފަދަ ޙާދިސާތަކެއް ނޫނެވެ. އެފަދަ މުވައްޒަފަކު ވަޒީފާގެ މަސްއޫލިއްޔަތާ ގުޅިގެން ފަރުވާކުޑަ ޢަމަލެއް ކޮށްފިކަން ސާބިތުވެއްޖެނަމަ، އެ ޢަމަލުގެ ސަބަބުން ޤައުމީ ސަލާމަތަށް ނުރައްކާވާފަދަ ކަމެއް މެދުވެރިނުވި ކަމުގައި ވިޔަސް، ނުވަތަ ޤާނޫނުން އެތެރެ ކުރުން މަނާކުރާފަދަ އެއްޗެއް އެތެރެކުރިކަން ސާބިތުނުވި ކަމުގައި ވިޔަސް، އެފަދަ މުވައްޒަފަކު ކަސްޓަމްސްގެ ވަޒީފާގައި ބެހެއްޓުން އެއްވެސް ޙާލަތެއްގައި މުނާސަބު ނުވާނެއެވެ. ސަބަބަކީ އެފަދަ ފަރުވާކުޑަ މުވައްޒަފަކު ވަޒީފާގައި ބަހައްޓައިފިނަމަ ބަޔާންވެދިޔަ ފަދަ ޙާލަތަކަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވިގެންދާނެތީއެވެ. އެހެންކަމުން މިޙާލަތުގައިވެސް ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ އާންމު ގާނޫނުގެ ދަށުން ރިޢާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެ ކަމުގައި ދެކެމެވެ. ކަސްޓަމްސް މުވައްޒަފުންގެ ޤަވާޢިދުގެ 124 ވަނަ މާއްދާގެ (ށ) އެގޮތުގެ މަތިން ޢިބާރާތް ކުރެވިފައިވަނީ މި ސަބަބަށްޓަކައި ކަމުގައި ބުރަވެވެއެވެ.

40. އިސްވެ ބަޔާންވެދިޔަ ސަބަބުތަކަށްޓަކައި ޢަލީ ޝާހްގެ މައްޗަށް ކަސްޓަމްސް އަށް އޮތް އިތުބާރު ގެއްލިފައިވާކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ދެކެމެވެ.

ނިންމަން ފެންނަ ގޮތް

41. ޢަލީ ޝާހް ކަސްޓަމްސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމަށްފަހުގައި ކަމަށްވާތީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު

2020/HC-A/11 ނަންބަރު ގަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް ކަނޑައަޅަން ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު

42. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު

43. މި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

އިސްވެ ބަޔާންވެ ދިޔަ ކަންތައް އެގޮތުގެ މަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/11 ނަންބަރު ގަޟިއްޔާގެ ޙުކުމަށް ބަދަލެއް ގެންނާނެ ތަނެއް ނެތްކަމަށް، މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: އަޒްމިރާލްދާ ޒާހިރު ޢަލީ ރަޝީދު ޙުސައިން މުޙައްމަދު އިބްރާހީމް (ރިޔާސަތު)

1

2 މިނިސްޓްރީ އޮފް ހޯމް އެފެއަރޒްގެ ނަންބަރު 10-A/14/2018/63 (6 ނޮވެންބަރު 2018) ސިޓީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 16/VTR/2019 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު، ސ. 215

3 މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ނަންބަރު (2)MCS/2018/17 "ވަޒީފާ ވަކިކުރެއްވި ޗިޓް"، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 16/VTR/2019 މައްސަލަ ނިމުނުގޮތުގެ ރިޕޯޓު، ސ. 144

4 ޤާނޫނު ނަންބަރު 2008/2

5 ޤަވާޢިދު ނަންބަރު 2012/R-35

6 ޤާނޫނު ނަންބަރު 2010/13

7 [2021] SC 35

8 ޤާނޫނު ނަންބަރު 2011/8

9 [2022] SC 88

10 ސުޕްރީމް ކޯޓުގެ އާމިނަތު އަރީޖު ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް [2021] SC 35 ގަޟިއްޔާއާއި، އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމީޓެޑް [2023] SC 28 ގަޟިއްޔާއާއި، ސަންލޭންޑް ޓްރެވަލް ޕްރައިވެޓް ލިމިޓެޑް ވ. އަންޖަލީން މޭރީ ނާޒިއު (ނަންބަރު 2017/SC-A/44) ގަޟިއްޔާ ހިމެނޭ.

11 މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ނަންބަރު MCS-INV/2017/68 އަދި MCS-INV/2017/69 ތަޙުޤީޤު ރިޕޯޓު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 16/VTR/2019 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު، ސ. 162 - 166

12 ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/07 ގަޟިއްޔާގައި 06 ޖޫން 2022 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުގެ ފަރާތުން ޒުލައިޚާ އިބްރާހީމް ދައްކާފައިވާ ވާހަކައިގެ މަޙުޟަރު ބަޔާން، ސ. 11

13 މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ޖަވާބު ފޯމުގެ ޕްރެގްރާފް 6.5

14 އބމ 11 ގެ ސ. 170

15 އބމ، ސ. 171

16 އބމ

17 އބމ، ސ. 172

18 އބމ، ސ. 176

19 އބމ، ސ. 177

20 އބމ، ސ. 177

21 މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ނަންބަރު MCS-INV/2017/68 އަދި MCS-INV/2017/69 ތަޙުޤީޤު ރިޕޯޓުގައި "ސީ.ސީ.ޓި.ވީ ފުޓޭޖުން ފާހަގަކުރެވޭ ކަންތައްތައް" މި ސުރުޙީގެ ދަށުން 8 ވަނަ ނަންބަރުގައި ބަޔާންކޮށްފައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 16/VTR/2019 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު، ސ. 188

22 ހައިކޯޓުގެ ނަންބަރު 2020/HC-A/11 ގަޟިއްޔާގެ "ޝަރީޢަތް ނިމުނުގޮތް"، ސ. 20، ޕެރެގްރާޕް 22

23 އބމ 11، ސ. 159

24 މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ "ހިއުމަން ރިސޯސް މެނޭޖްމަންޓު ބޯޑުގެ ޔައުމިއްޔާ" (15 މެއި 2017)، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 16/VTR/2019 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު، ސ. 213

25 މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ހިއުމަން ރިސޯސް މެނޭޖްމަންޓު ބޯޑުގެ ބައްދަލުވުމުގެ ޔައުމިއްޔާ (16 ސެޕްޓެންބަރު 2018)، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 16/VTR/2019 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު، ސ. 241

26 ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅިފައިވާ “Salary & Other Benefits” ޑޮކިއުމަންޓް، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 16/VTR/2019 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓު، ސ. 236

27 އބމ 24، ސ. 213

28 އބމ 22

29 އބމ 7

30 އބމ

31 އބމ 3

32 ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/10 ގަޟިއްޔާ

33 އބމ

34 އބމ

2022/SC-A/07 [2023] SC 58

2019/SC-A/300 [2021] SC 778

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ