އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2019/SC-A/35
ޝަރީޢަތް ނިމުނުގޮތް
އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރުންގެ މަޖިލިސް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު
29 މާރިޗު 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2016/HC-A/376
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
އާމިނަތު އަރީޖް ޙުސައިން
ޤާނޫނީ ވަކީލު:ޤާނޫނީ ވަކީލު:ޙުސައިން ނާޝިދު އިސްމާޢީލް ވިޝާމް (ވިޝާމް، ޒާހިރު އެނޑް ކޯ އެލް.އެލް.ޕީ)
ޢާއިޝަތު މިލްނާ އާމިނަތު ސުވޭޒާ ނަޢީމް (ވިޝާމް، ޒާހިރު އެނޑް ކޯ އެލް.އެލް.ޕީ)
މަދަނީ – ވަޒީފާއާބެހޭ – ރައްދު އިސްތިއުނާފު (Counter Appeal) – ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާ – މައުޟޫޢީ ޢަދުލުވެރިކަން – އިޖުރާއީ ޢަދުލުވެރިކަން – ދެފަރާތް ދެމެދު އޮންނަން ޖެހޭ އިތުބާރު އޮތުމާއި ނެތުން – ވަޒީފާ އަނބުރާ ރުޖޫޢަކުރުން ` އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/376 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އާމިނަތު އަރީޖް ޙުސައިން (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "އާމިނަތު އަރީޖް ޙުސައިން" ކަމަށް ބުނެފައިވާ) ގެ ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
އާމިނަތު އަރީޖް ޙުސައިން ކޮށްފައިވާ ޓްވީޓްތަކަކާ ގުޅިގެން ޖަވާބުދާރީވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމެޓީއަށް (މީގެ ފަހުން "އެޗް.އާރު.އެމް.ޑީ ކޮމިޓީ" ކަމަށް ބުނެފައިވާ ކޮމެޓީ) އާމިނަތު އަރީޖް ޙުސައިން ހާޒިރު ކުރެވިފައިވެއެވެ. ހުށަހެޅިފައިވާ މައްސަލައިގައި އިތުރަށް ބަލަން ޖެހޭ ކަންތައްތަކެއް ހުރުމުން، އެ މައްސަލަ ބަލައި ނިމެންދެން އާމިނަތު އަރީޖް ޙުސައިން އޮފީހަށް ނުކުތުމަށް ނުފެންނަ ކަމަށް އެ އޮފީހުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީން ނިމާފައިވެއެވެ.
އެ މައްސަލަ ބެލުމަށްފަހު، އެ މައްސަލައިގައި ހިމެނޭ ޓްވީޓްތަކަކީ ވަކި މަޤްޞަދެއްގައި ކޮށްފައިވާ ޓްވީޓްތަކެއް ނޫން ކަމަށާއި، އެއީ އަމިއްލަ ފަރުދެއްގެ ހައިސިއްޔަތުން ކޮށްފައިވާ ޓްވީޓްތަކެއް ކަމުގައި ވާތީ، އާމިނަތު އަރީޖް ޙުސައިންއާމެދު ފިޔަވަޅެއް ނޭޅުމަށް ނިންމައި، 07 ޑިސެންބަރު 2015 ގައި އެ މައްސަލަ ނިންމާފައިވެއެވެ.
އިސްވެ ބަޔާންވެދިޔަ މައްސަލަ ބަލައި ނިންމުމަށް ބޭއްވުނު ބައްދަލުވުމުގައި، އެޗް.އާރު.އެމް.ޑީ ކޮމިޓީގެ މެންބަރުން ޕްރޮސެކިއުޓަރ ޖެނެރަލްއާ ބައްދަލުކުރުމުގެ ތެރެއިން، ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތެއްގެ މައްޗަށް ބިނާކޮށް އާމިނަތު އަރީޖް ޙުސައިންއާ ދެކޮޅަށް އިތުރު މައްސަލައެއް އެ ކޮމިޓީއަށް ހުށަހެޅުނެވެ.
ލިބިފައިވާ އިންޓެލިޖެންސް މަޢުލޫމާތުގެ ސިއްރު ހިފެހެއްޓުމުގެ ގޮތުން އާމިނަތު އަރީޖް ޙުސައިން ކޮމިޓީއަށް ހާޒިރުކޮށް ޖަވާބެއް ހޯދަން ޖެހޭނެ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ނުފެންނާތީއާއި، އާމިނަތު އަރީޖް ޙުސައިން މެދުވެރިކޮށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ބައެއް ލިޔެކިޔުންތަކާއި ނިންމުންތައް ލީކްވެފައިވާ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ދިން މަޢުލޫމާތުގެ މިންވަރަށް ބަލައި، އާމިނަތު އަރީޖް ޙުސައިން ކޮށްފައިވާ ޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވިދާނެ ޢަމަލެއް ކަމަށް އެ އޮފީހުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީން ނިންމައި އާމިނަތު އަރީޖް ޙުސައިން އަދާކުރަމުން ދިޔަ ޕަބްލިކް ޕްރޮސިކިއުޓަރގެ ވަޒީފާއިން 10 ޑިސެންބަރު 2015 ގައި ވަކިކޮށްފައިވެއެވެ.
ވަޒީފާއިން ވަކިކުރުމާގުޅިގެން، ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން އެއްވެސް މިންވަރަކަށް ޤާއިމުކުރުމެއް ނެތި ކަމަށް ބުނެ، ވަޒީފާއިން ވަކިކޮށްފައިވަނީ އިންޞާފުވެރި ޢަދުލުވެރި ހަމައަކުން ނޫން ކަމަށް ކަނޑައަޅައި ދިނުމަށާއި، އާމިނަތު އަރީޖް ޙުސައިންއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމަށް ނުބެލުމަށާއި، ވަޒީފާ އަނބުރާ އިޢާދަކޮށް ދިނުމަށް އެދި އާމިނަތު އަރީޖް ޙުސައިންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމިގޮތް
އާމިނަތު އަރީޖް ޙުސައިން ހުށަހެޅި މައްސަލަ ބަލާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 4/VTR/2016 މައްސަލައިގެ ގޮތުގައެވެ. އެ މައްސަލައިގައި އަންނަނިވި ކަންތައްތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވެއެވެ.
އާމިނަތު އަރީޖް ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ހަމައެއް އޮވެ، މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހު ކަމަށް ސާބިތުވާ މިންވަރަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ހެކި ހުށަހަޅާފައި ނުވާތީ، އާމިނަތު އަރީޖް ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަން،
މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވާތީ، އާމިނަތު އަރީޖް ޙުސައިން އަދާ ކުރަމުން ދިޔަ ވަޒީފާއަށް އަނބުރާ އިޢާދަ ކުރެވެން ނެތްކަން،
ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މައްދާގެ ދަށުން ޢަދުލުވެރި ބަދަލެއްގެ ގޮތުގައި 153,569/40ރ. (އެއްލައްކަ ފަންސާސް ތިންހާސް ފަސްސަތޭކަ ފަސްދޮޅަސް ނުވަ ރުފިޔާ ސާޅީސް ލާރި) އާމިނަތު އަރީޖް ޙުސައިންއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ދޭންޖެހޭ ކަމެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު ކަމަށް ބުނެ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ހައިކޯޓުން ނިންމިގޮތް
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން އިސްތިއުނާފު ކުރި މައްސަލަ ބަލާފައިވަނީ ހައިކޯޓުގެ ނަންބަރު 2016/HC-A/376 ޤަޟިއްޔާއިންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް ތާއީދުކޮށް ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކޮށްފައިވެއެވެ.
ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ:
އާމިނަތު އަރީޖް ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ އިންޓެލިޖެންސް ރިޕޯޓެއްގައި ހިމެނޭ މަޢުލޫމާތަކާ ގުޅިގެން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ފާހަގަކޮށްފައި ވާއިރު، އިންޓެލިޖެންސް ރިޕޯޓެއްގައި ހިމެނޭ މަޢުލޫމާތަކީ، އެ މަޢުލޫމާތުގެ ޞައްޙަކަން އަންގައިދޭ، އެ މައްޗަށް ބުރަވެވިދާނެ އެހެން ކަންތައްތަކެއް ނެތި، އެ މަޢުލޫމާތަކީ ޞައްޙަ މަޢުލޫމާތެއް ކަން ނިންމިދާނެ މަޢުލޫމާތުކެއް ނޫން ކަމަށާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގައި ވެސް ކަމެއް ސާބިތުކޮށް ދިނުމަށް ހަމަ އެކަނި އިންޓެލިޖެންސް ރިޕޯޓު ނުފުދޭނެކަން.
މި މައްސަލައިގައި ހިމެނޭ އިންޓެލިޖެންސް ރިޕޯޓަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅިފައިވާ ރިޕޯޓެއް ނޫން ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކުން އެނގޭތީ އެ ރިޕޯޓަކީ ހެއްކާބެހޭ ޤާނޫނުގެ 2 ވަނަ މާއްދާގައި ބުނާ ފަދަ ކިތާބީ ހެއްކެއް ކަމުގައި ނުބެލެވޭނެ ކަމަށާއި، އަދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް ފެނިފައިނުވާ ރިޕޯޓެއްގެ މައްޗަށް ބިނާކޮށް އާމިނަތު އަރީޖް ޙުސައިން ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ ވެސް ޞައްޙަ ނިންމުމަކަށް ނުވާކަން.
މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމުގައި ވާނަމަ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ޓަކައި ޤާނޫނީ ފަރުވާލިބިދެވެން ޖެހޭނެ ކަމަށާއި، މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމުގައި ވީނަމަވެސް، ދެ ފަރާތުގެ ދެ މެދުގައި އިތުބާރު ގެއްލިފައިވާ ޙާލަތުގައި ނަގައިދެވޭނީ ޢަދުލުވެރި ބަދަލެއް ކަމަށާއި، އާމިނަތު އަރީޖް ޙުސައިންއަށް އެ ހަމައިގެ މަތިން ބަދަލު ނަގައިދިނުމަށް ނިންމާފައިވާ ނިންމުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް ބެލެވެން ނެތް ކަމަށެވެ.
ހައިކޯޓުގެ ނަންބަރު 2016/HC-A/376 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ އާމިނަތު އަރީޖް ޙުސައިންގެ ފަރާތުން އެ ޤަޟިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާ
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ފުރަތަމަ ނުކުތާއަކީ: ރައްދު ހުށަހެޅުމެއް ނުވަތަ ރައްދު އިސްތިއުނާފެއް (Counter Appeal) ހުށަހެޅުމުގެ ފުރުސަތަކަށް އެދި ހައިކޯޓަށް ހުށަހެޅުމުން، އެ ހުށަހެޅުން ބަލައިގެންފައި ނުވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 42، 56 އަދި 68 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި ނުކުތާއާ ގުޅިގެން ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލައި ދިރާސާ ކުރިއިރު އަންނަނިވި ކަންކަން ފާހަގަ ކުރެވިފައި ވެއެވެ.
މައްސަލައިގައި ހިމެނޭ ދެ ފަރާތުގެ ދެމެދުގައި އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، އާމިނަތު އަރީޖް ޙުސައިން އަދާ ކުރަމުން ދިޔަ ވަޒީފާ އަނބުރާ އިޢާދަ ކޮށްދެވެން ނެތް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމި ނިންމުން އާމިނަތު އަރީޖް ޙުސައިންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިނުވެއެވެ. އިސްތިއުނާފު ނުކުރެވުނު ސަބަބަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމި ނިންމުން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ނުކުރާނެ ކަމަށް ބަލައިގެން، ބަދަލުގެ ފައިސާ ލިބިގަތުމަށް ނިންމައިގެން ހުއްޓައި، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިސްތިއުނާފު ކުރި ޚަބަރު ލިބުނުއިރު އިސްތިއުނާފު ކުރުމުގެ މުއްދަތު އޭރު ފަހަނާޅައި ގޮސްފައިވުމުން ކަމަށް އާމިނަތު އަރީޖް ޙުސައިންގެ ފަރާތުން ބުނެފައިވެއެވެ. އެހެންވެގެން ހައިކޯޓުގެ އަޑުއެހުމުގައި ރައްދު އިސްތިއުނާފެއްގެ ގޮތުގައި ވަޒީފާ އިޢާދަ ކުރުމަށް އެދޭ ކަމަށް ހުށަހެޅި ކަމަށާއި، އެހެންނަމަވެސް ހައިކޯޓުން އެ ހުށަހެޅުމަށް ގޮތެއް ނިންމާފައި ނުވާ ކަމަށާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވެސް އެ ވާހަކަ ބަޔާންކޮށްފައި ނުވާ ކަމަށް ބުނެފައިވާ ކަމެވެ.
އިސްތިއުނާފު ކުރުމުގެ ޙައްޤަކީ އަސާސީ ޙައްޤެއް ކަމަށާއި، އަސާސީ ޙައްޤުތައް މާނަ ކުރުމާއި ލިބިދިނުމުގައި އިންސާނީ ޝަރަފާއި ހަމަހަމަ ކަމާއި، މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިގެންވާ ދިމީޤްރާޠީ މުޖުތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް އެ އުޞޫލުތައް ނަގަހައްޓަންވާނެ ކަމަށް ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންވެގެންވާ ކަމަށާއި، އެފަދަ ބައެއް މުޖުތަމަޢުތަކުގައި ރައްދު އިސްތިއުނާފު ހުށަހެޅުމުގެ ފުރުސަތު އޮންނަ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވާ ކަމެވެ.
މައްސަލައިގައި ހިމެނޭ ފަރާތަކުން އިސްތިއުނާފު ކުރިކަން އެނގޭ ހިސާބުން، އިދިކޮޅު ޚަޞްމަށް އިސްތިއުނާފީ ކޯޓަށް ރައްދު އިސްތިއުނާފެއް (Counter Appeal) ހުށަހެޅުމަށް ބައެއް ޤައުމުތަކުގައި ފުރުސަތު އޮންނަ ކަމަށާއި، އޭގެ ތެރޭގައި އިނގިރޭސިވިލާތާއި މެލޭޝިއާ ހިމެނޭ ކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނެފައިވެއެވެ. އެ ދެ ޤައުމުގައި އެކަން އޮތްގޮތް ބެލިއިރު، އެ ޤައުމުތަކުގައި އެކަން ކުރަނީ ކަނޑައެޅިފައިވާ އިޖުރާއާތުތަކުގައި ލިޔެވިގެން ކަން އެގެއެވެ.
އިސްވެބަޔާންވެ ދިޔަ ޤައުމުތަކުގައި ރައްދު އިސްތިއުނާފު ކުރުން އިންތިޒާމު ކުރެވިފައި އެ ވަނީ ގަވާއިދުތަކުގައި ލިޔެވިގެންނެވެ. އަދި އެކަމަށް މުއްދަތެއް ވެސް ކަނޑައެޅިފައިވެއެވެ. ރާއްޖޭގައި ލިޔެވިފައިވާ އުޞޫލެއް ނެތި ރައްދު ދަޢުވާ (Counter Claim) ދަށު ކޯޓުގައި ބަލައި ގަނެއެވެ. ގިނަ ފަހަރަށް ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅައިގެން ކުރިއަށް ގެންދިޔުމަށް ޝަރީޢަތުން އަންގައި މައްސަލަ ނިންމައެވެ. ޢާންމު ގޮތެއްގައި ރާއްޖޭގެ ދަށު ކޯޓުތަކުގައި ރައްދު ރަޢުވާ ބަލައިގަނެ ކުރިއަށް ގެންދަނީ އަޅައިކެނޑޭ ޙާލަތުގައެވެ. އެ ނޫން ޙާލަތްތަކުގައި ކުރިއަށް ނުގެންދާ ސަބަބަކީ އެ ކަމުގައި ލިޔެވިފައިވާ އިޖުރާއަތެއް ނެތުމެވެ. ލިޔެވިފައިވާ އިޖުރާއަތެއް ނެތި ކުރިއަށް ގެންދާނަމަ ބައެއް ޙާލަތްތަކުގައި ދެ ފަރާތުގެ ޙައްޤުތައް ޙިމާޔަތް ނުވެ ހިނގައިދާނެއެވެ. އެހެންކަމުން، މިފަދަ ކަންކަން ރަނގަޅަށް ހިނގާނީ އަދި، ދެ ފަރާތުގެ ޙައްޤުތައް ޙިމާޔަތްވާނީ ތަފުޞީލީ އިޖުރާއާތުތަކެއް ލިޔެވިފައި އޮވެގެންނެވެ. އިސްތިއުނާފީ މަރުޙަލާގައި ވެސް މި ކަންކަން އޮތީ މިގޮތަށެވެ. އެހެންކަމުން ލިޔެވިފައި އޮތް އިޖުރާއާތެއް ނެތި މި ކަންކަން ރަނގަޅަށް ކުރިއަކަށް ނުގެންދެވޭނެ ކަމެވެ.
ރާއްޖޭގައި އިސްތިއުނާފު ކުރުމަށް މި އޮންނަނީ ވަކި މުއްދަތެއް ކަނޑައެޅިފައެވެ. އިދިކޮޅު ޚަޞްމު އިސްތިއުނާފު ކުރަން ބޭނުންވާނަމަ ހަމަ އެ މުއްދަތުގެ ތެރޭގައި އިސްތިއުނާފަށް ހުށަހަޅަން ޖެހެއެވެ. މިގޮތުން، އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އެއް މައްސަލައެއް އިސްތިއުނާފު ކޮށްފިނަމަ، އެއީ ތަފާތު އިސްތިއުނާފުތަކެއް ނުވަތަ Cross Appeal ތަކެކެވެ. އަދި އެފަދައިން Cross Appeal ކުރުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމުގެ ތެރެއިން ވެސް ކުރެވޭ ކަމެކެވެ. އެފަދަ މައްސަލަތައް އިސްތިއުނާފީ ކޯޓުތަކުން ބަލައި ގަނެ ކުރިއަށް ގެންދާނެ ގޮތް ފުރަނަ ހޯލްޑީންގްސް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ރައްދުވާގޮތަށް އަޙްމަދު ޝިޔާޛު އަދި އިތުރު 2 މީހުން ހުށަހެޅުމުން ބެލުނު މައްސަލައިގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަމެވެ.
އާމިނަތު އަރީޖް ޙުސައިންގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ރައްދު އިސްތިއުނާފެއް ހުށަހަޅާ ކަމަށް ބުނެ އެ ވާހަކަ ދައްކާފައިވާ ކަން މަޙްޟަރު ބަޔާންތަކުން އެނގެން އޮތްއިރު، މައްސަލަ ނިންމުމުގައި ހައިކޯޓުން އެކަމަށް ގޮތެއް ނިންމާފައިނުވާ ކަމާއި، އަދި އެ ވާހަކަ ޝަރީޢަތުގައި ދެކެވުނު ކަން ވެސް ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިނުވާ ކަމެވެ.
މިގޮތުން، ދިވެހިރާއްޖޭގައި މިހާރު ޢަމަލު ކުރަމުންދާ ޤާނޫނީ އުޞޫލުތައް ތަންދޭގޮތުން ރައްދު އިސްތިއުނާފު ކުރަން ބޭނުންވާ ފަރާތުން ވެސް އެ ކަން ކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހެޅުމުން ނޫނީ ރައްދު އިސްތިއުނާފު ބަލައި ނުގަނެވޭނެ ކަމާއި، އާމިނަތު އަރީޖް ޙުސައިންގެ ފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ހުށަހެޅި ހުށަހެޅުމަށް ޝަރީޢަތުން ގޮތެއް ނިންމަން ވާނެ ކަމާއި، އެ ނިންމުން ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާން ކުރަން ވާނެ ކަމަށް އަހުރެން ދެކެމެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާ
އިސްތިއުނާފު ކުރާ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ދެވަނަ ނުކުތާއަކީ: އާމިނަތު އަރީޖް ޙުސައިން އާއި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާ ދެމެދު އޮންނަންޖެހޭ އިތުބާރު (trust and confidence) ގެއްލިފައިވާ ކަމަށް ކަނޑައަޅައި، ޓްރައިބިއުނަލް މަރުޙަލާގައި އާމިނަތު އަރީޖް ޙުސައިންގެ ފަރާތުން އެދުނު ވަޒީފާ ހައިކޯޓުން އަލުން އިޢާދަ ކޮށްފައި ނުވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާއާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
މި ނުކުތާއާ ގުޅިގެން ދެ ފަރާތުން ދެއްކި ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔުންތަކަށް ބަލައި ދިރާސާ ކުރިއިރު އަންނަނިވި ކަންކަން ފާހަގަކުރެވިފައިވެއެވެ.
މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން(Substantive Fairness) އަދި އިޖުރާއީ ޢަދުލުވެރިކަން(Procedural Fairness) ޤާއިމުކުރުމަށްފަހުގައި ކަމަށް ވާއިރު، މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާ ކަމަށް ވަޒީފާއާބެހޭ ޓްރެބިއުނަލް އާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވެއެވެ.
މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވުމަކީ، މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތުން ކަމަށް ވާއިރު، މި މައްސަލައިގައި އާމިނަތު އަރީޖު ޙުސައިން ވަޒީފާއިން ވަކިކޮށްފައި ވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ތޯ ބަލާއިރު؛
މި މައްސަލައިގައި އާމިނަތު އަރީޖު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާއާގުޅޭ ގޮތުން ލިބިފައިވާ މަޢުލޫމާތު ހިމެނޭ އިންޓެލިޖެންސް ރިޕޯޓަކާ ގުޅިގެން ކަމަށް ވާއިރު، އެ ރިޕޯޓަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީއަށް އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ވެސް ލިބިފައި ނުވާ ރިޕޯޓެއް ކަން، އެ ދެ ތަނުގެ ރިޕޯޓުން އެނގެން އޮތް ކަމާއި،
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ލިބުނު ކަމަށް ބުނާ އިންޖެލިޖެންސް މަޢުލޫމާތު ފިޔަވައި އިތުރު އެއްވެސް ހެއްކެއް ޤަރީނާއެއް އާމިނަތު އަރީޖު ޙުސައިންއާ ދެކޮޅަށް ނެތް ކަމާއި، އެގޮތަށް ލިބޭ މަޢުލޫމާތަކީ އެއަށް ބާރުދޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތި މީހަކު ވަޒީފާއިން ވަކިކުރުމަށް ފުދޭނެ ޙުއްޖަތެއް ކަމަށް ނުވާތީ، މި މައްސަލައިގައި އާމިނަތު އަރީޖު ޙުސައިން ވަޒީފާއިން ވަކިރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައި ނުވާކަން ފާހަގަކުރެވެއެވެ.
އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވުމަކީ، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަ ކޮށްފައިވާ އިޖުރާއާތުތަކީ ޢަދުލުވެރި އިޖުރާއާތަކަށް ވުން ކަމަށް ވާއިރު، މި މައްސަލައިގައި އާމިނަތު އަރީޖު ޙުސައިން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވޭ ތޯ ބަލާއިރު؛
އާމިނަތު އަރީޖު ޙުސައިން ވަޒީފާއިން ވަކިކުރީ އޭނާއަށް ދިފާޢުގައި ބަހެއް ބުނުމުގެ ފުރުސަތު ލިބިނުދީކަން، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެޗް.އާރު.އެމް.ޑީ ކޮމިޓީއިން އާމިނަތު އަރީޖު ޙުސައިން ވަކިކުރުމަށް ނިންމިގޮތުގެ ރިޕޯޓަށް ބެލުމުން އެނގެން އޮންނަ ކަމާއި،
މި މައްސަލައިގައި މި ބުނާ އިންޓެލިޖެންސް މަޢުލޫމާތަކީ ޕްރޮސިކިއުޓަރ ޖެނެރަލްއަށް ފޯނުން ލިބިފައިވާ މަޢުލޫމާތެއް ކަމާއި، އެ މަޢުލޫމާތު އެޗް.އާރު.އެމް.ޑީ ކޮމިޓީއާ ޙިއްޞާ ކުރުމުން، އެއަށް ބާރުދޭނެ އިތުރު އެއްވެސް އެއްޗެއް ފެނޭތޯ އެ ކޮމެޓީން މަސައްކަތް ކުރި ކަމާއި، އެ މަޢުލޫމާތަށް ބާރުދޭނެ އިތުރު އެއްވެސް އެއްޗެއް ކޮމެޓީއަށް ހުށަހެޅިފައިނުވާ ކަމާއި،
ޖަވާބުދާރީވުމުގެ ފުރުސަތު އާމިނަތު އަރީޖު ޙުސައިންއަށް ދިނުމަށް އެޗް.އާރ.އެމް.ޑީ ކޮމެޓީއަށް ފެންނަ ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ދެންނެވުނު ކަމަށް އެޗް.އާރ.އެމް.ޑީ ކޮމެޓީގެ ރިޕޯޓުގެ 11 ވަނަ ޕެރެގްރާފުގައި ބަޔާންވެގެންވާ ކަމާއި، އެހެން ނަމަވެސް ވަޒީފާއިން ވަކިކުރުމަށް އެ ކޮމެޓީން ނިންމާފައިވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީކަން އެ ރިޕޯޓުން އެނގެން އޮތް ކަމާއި،
މިގޮތުން، އާމިނަތު އަރީޖް ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން ދިފާޢުގައި ބަހެއް ބުނުމުގެ ފުރުސަތު ދިނުމެއް ނެތި، އިޖުރާއީ ޢަދުލުވެރިކަން އެއްވެސް މިންވަރަކަށް ޤާއިމުނުކޮށް ކަން ސާފުކޮށް އެނގެން އޮތް ކަން ފާހަގަކުރެވެއެވެ.
ޤާނޫނީ ހައްލު
ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ނުކޮށް ކަމުގައިވާނަމަ، އެފަދަ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހަޅާ ފަރާތަކަށް ތިން ބާވަތެއްގެ ހައްލު ދިނުމުގެ ބާރު ޓްރައިބިއުނަލްއަށް ލިބިގެންވާ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެން ވެއެވެ. އެއީ؛
އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން؛ ނުވަތަ
މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ
ޢަދުލުވެރި ބަދަލެއް ދިނުން.
އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ހައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން ރުޖޫޢަކުރުން ނުވަތަ އޭނާ އަދާކުރަމުންދިޔަ ވަޒީފާއާގުޅޭ އެކަށީގެންވާ އެހެން ވަޒީފާއެއް ހަމަޖެއްސުން ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގައި ބަޔާންވެގެން ވެއެވެ. މިގޮތަށް ވަޒީފާ އަލުން ރުޖޫޢަ ކުރުމުގައި ވަޒީފާއިން ވަކިކުރެވުނު ޙާލަތާއި، ވަޒީފާއިން ވަކިކުރަން ދިމާވީ މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުން ކަމަށް ވާނަމަ އެ ކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތް ކުރަން ވާނެ ކަމަށް އެ މާއްދާގައި އިތުރަށް ބަޔާންވެގެންވެއެވެ.
އާމިނަތު އަރީޖު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަން ސާބިތުވިނަމަވެސް، ދެ ފަރާތް ދެމެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ، ވަޒީފާ އަލުން އިޢާދަ ކުރަން ނުޖެހޭ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އާއި ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވެއެވެ.
ދެ ފަރާތް ދެމެދު އިތުބާރު ނެތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނި ނަމަވެސް، އިންޓެލިޖެންސް މަޢުލޫމާތު ފިޔަވައި އިތުރު އެއްވެސް ހެއްކެއް ޤަރީނާއެއް ނެތް ކަމާއި، އިތުބާރު ގެއްލިފައިވާ ކަމަށް ހަމައެކަނި ބުނެލާ ބަހަކުން ނުފުދޭނެ ކަމާއި، އެކަމަށް ބުރަދަނެއް ދެވޭނެ އެކަށީގެންވާ ސަބަބުތަކެއް ހުންނަން ވާނެއެވެ.
ދެ ފަރާތް ދެމެދުގައި އިތުބާރު އޮތުމާއި ނެތުން
ވަޒީފާ އަނބުރާ ދިނުމަކީ ދެ ފަރާތުގެ މެދުގައި އޮންނަ އިތުބާރުގެ މައްޗަށް ބިނާވާ ކަމެކެވެ. އެހެންނަމަވެސް، ވަޒީފާއިން ވަކިކުރުމަށްފަހުގައި، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުގެ މެދުގައި ފުރިހަމަ އިތުބާރު އޮތުމަކީ ވަރަށް ނާދިރު ކަމެކެވެ. އެހެނީ، ވަޒީފާއިން ވަކިކުރުމަށް ފަހުގައި ވަޒީފާދޭ ފަރާތުން އެ އިތުބާރު އޮތް ކަމަށް ބުނާނީ މަދު ފަހަރަކު ކަމުންނެވެ. އެހެންކަމުން، ވަޒީފާ ދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތުން ބުނާ ބުނުމުގެ ޙަޤީޤަތް ފަރުވާތެރިކަމާއެކު ބުއްދީގެ ހަމަތަކުގެ މަތިން ވަޒަންކޮށް، އެއީ ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާ ކޮށްގެން ބުނާ ބުނުމެއް ކަން ނުވަތަ ނޫން ކަން މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތަކުގެ އަލީގައި ޓްރައިބިއުނަލުން ނުވަތަ ކޯޓުން ބަލަންވާނެއެވެ.
އިތުބާރު ގެއްލިފައިވާ ކަމަށް ބެލުމުގައި، ދެ ފަރާތުގެ މެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމުގައި ދައްކުވައިދޭ ހެކި ވަޒީފާދޭ ފަރާތުން އީޖާބީ ގޮތެއްގައި ސާބިތުކޮށްދޭން ޖެހޭނެއެވެ. އިތުބާރު ގެއްލިފައިވާ ކަމުގައި ބެލުމުގައި ވަޒީފާއިން ވަކިކުރި މުވައްޒަފު ކަންކުރި ގޮތުން ވަޒީފާދިން ފަރާތުގެ ތުހުމަތަކަށް ބާރުލިބިދޭ އެއްވެސް ޢަމަލެއް ހިންގާފައިވޭ ތޯ ބަލަންޖެހޭނެއެވެ.
މި މައުޟޫޢަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާގައިވާ އަސާސީ ޙައްޤަކާ ގުޅުން ހުރި ކަމަކަށް ވާއިރު، ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާ މާނަކުރަން ޖެހޭނީ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބުނާ ހުޅުވިގެންވާ މިނިވަން ދިމިޤްރާތީ މުޖުތަމަޢުތަކުގައި ކަންކުރާ އުޞޫލުތަކާ އެއްގޮތަށެވެ. މިގޮތުން ބަލާއިރު ތިން ކަމެއް ފާހަގަކުރެވެއެވެ. އެއީ:
އިތުބާރު ގެއްލިފައިވާ ކަމުގައި ބެލުމުގައި، ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމުގައި ބެލެވޭ ހެކި ވަޒީފާދޭ ފަރާތުން އިޖާބީ ގޮތެއްގައި ސާބިތުކޮށްދޭން ޖެހުން (Evidence of Genuine Belief and Rationality)،
އިތުބާރު ގެއްލިފައިވާ ކަމުގައި ބެލުމުގައި، ވަޒީފާއިން ވަކިކުރި މުވައްޒަފު ކަންކުރި ގޮތުން ވަޒީފާދިން ފަރާތުގެ ތުހުމަތަކަށް ބާރުލިބިދޭ އެއްވެސް ޢަމަލެއް ހިނގާފައިވޭ ތޯ ބަލަންޖެހުން (Employee’s Contributory Conduct)،
އިތުބާރު ގެއްލިފައިވާ ކަމުގައި ބަލައި، ވަޒީފާ އަލުން އިޢާދަކޮށްދިނުމުގެ ބަދަލުގައި އެ ފަންތިއާއި ގިންތީގެ އެހެން ވަޒީފާއެއް ދެވެން އޮތް ތޯ ބަލަންޖެހުން (Re-instatement and Re-engagement)، މިއެވެ.
އިތުބާރު ގެއްލިފައިވާ ކަމުގައި ބެލުމުގައި، ދެ ފަރާތުގެ ދެމެދުގައި އޮންނަން ޖެހޭ އިތުބާރު ގެއްލިފައިވާ ކަމުގައި ބެލެވޭ ހެކި ވަޒީފާދޭ ފަރާތުން އިޖާބީ ގޮތެއްގައި ސާބިތުކޮށްދޭން ޖެހޭ އުޞޫލު އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ބަލައިގަނެ ޤާއިމުކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. މިގޮތުން، އިނގިރޭސިވިލާތުގެ އެމްޕްލޯއިމަންޓް އެޕީލް ޓްރައިބިއުނަލްގެ ޤަޟިއްޔާ United NHS Foundation Trust v Farren ގައި އެ ކޯޓުން އަންނަނިވި ގޮތަށް ފާހަގަކޮށްފައިވެއެވެ.
“The issue of trust and confidence had to be tested as between the parties in order to determine even on a provisional basis whether and order for re-engagement was practicable, whether it was capable of being carried into effect with success, whether it could work. (Para 40)
“The Tribunal also needed to consider whether the (Employer) had made good its case that trust and confidence could not be repaired, whether its belief in her dishonesty was such that a re-engagement order was unlikely to be carried into effect with success. The Tribunal was thus entitled to scrutinize whether the (Employer’s) stated belief was genuinely and rationally held” (Para 42)
"ދެ ފަރާތުގެ މެދުގައި އޮންނަ އިތުބާރުގެ މައްސަލައަކީ، ވަގުތީ ގޮތުން ވެސް ނިންމުމެއް ނިންމުމުގައި ތަޙްލީލުކުރަންޖެހޭ ކަމެއް ކަމާއި، ވަޒީފާ އަލުން އިޢާދަކުރުމަކީ ޢަމަލީގޮތުން އެކަށީގެންވާ ގޮތުން ކުރެވިދާނެ ކަމެއްތޯ އަދި އެފަދަ ޙާލަތެއްގައި ކަމިޔާބުކަމާއެކު، މަސައްކަތް ކުރެވިދާނެތޯ ވެސް ބަލަންޖެހޭނެއެވެ. (ޕެރެގްރާފް 40(
އަދި ޙަޤީޤަތުގައި ވެސް ދެ ފަރާތުގެ މެދުގައި އޮންނަން ޖެހޭ އިތުބާރު ގެއްލިއްޖެ ކަމާއި، އެ ގުޅުމާއި އިތުބާރު ރުޖޫޢަކޮށް އިޢާދަ ނުކުރެވޭނެ މިންވަރަށްތޯ ވަޒީފާ ދިން ފަރާތުން ސާބިތުކޮށް ދެވުނު ތޯ ޓްރައިބިއުނަލުން ބަލަންޖެހޭ ކަމާއި، އެގޮތުން ވަޒީފާ ދިން ފަރާތުން ޤަބޫލުކުރާ ކަންކަމަކީ އެކަށީގެންވާ އަދި ޞައްޙަ ކަންކަން ތޯ ވެސް ޓްރައިބިއުނަލުން ބަލަން ޖެހޭނެއެވެ. (ޕެރެގްރާފް 42("
އިތުބާރު ގެއްލިފައިވާ ކަމަށް ބެލުމުގައި ވަޒީފާއިން ވަކިކުރި މުވައްޒަފު ކަންކުރި ގޮތުން ވަޒީފާދިން ފަރާތުގެ ތުހުމަތަކަށް ބާރުލިބިދޭ އެއްވެސް ޢަމަލެއް ހިނގާފައިވޭތޯ ބަލަންޖެހޭ ކަމުގައި ބުނާ އުޞޫލު، އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ބަލައިގަނެ ޤާއިމު ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އެގޮތުން އިނގިރޭސިވިލާތުގެ އެމްޕްލޯއިމަންޓު އެޕީލް ޓްރައިބިއުނަލްގެ British Airways PLC v Valencia ޤަޟިއްޔާގައި އެ ކޯޓުން އަންނަނިވި ފަދައިން ފާހަގަކުރެއެވެ.
“So far was contributory conduct is concerned, this is relevant to whether it is just to make either order and in this case of a re-engagement order, on what terms. In cases where the contribution (related to the accusation by the employee) is high, it may be necessary to consider whether the level of contribution is consistent with the employer being able to genuinely to trust the employee again” (Para 12)
"މުވައްޒަފަކު ކުރި ޢަމަލެއްގެ ވާހަކަ ދައްކާއިރު، އެއީ ވަޒީފާ އަލުން އިޢާދަކޮށް ދިނުމުގައްޔާއި، ވަޒީފާ އިޢަދަކޮށްދެވޭ ޝަރުޠުތައް ދެނެގަތުމުގައި މުހިންމު ޢުންޞުރެއް ކަމާއި، ވަޒީފާއިން ވަކިކުރި ކަމުގައި މުވައްޒަފުގެ ބައިވެރިވުމެއް ފާޅުކަން ބޮޑު ގޮތެއްގައި އޮތް ޙާލަތުގައި، އެ ބައިވެރިވުމަށް އެ ފަރާތުން ކުރި ކަމަކީ، ވަޒީފާދޭ ފަރާތުން އިތުބާރު ކުރުމަށް ޙަޤީޤަތުގައި ވެސް ހުރަސްއަޅާ ވަރުގެ ކަމެއްތޯ ބެލުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ."
އިތުބާރު ގެއްލިފައިވާ ކަމުގައި ބަލައި ވަޒީފާ އަލުން އިޢާދަކޮށްދިނުމުގެ ބަދަލުގައި އެ ފަންތި އާއި ގިންތީގެ އެހެން ވަޒީފާއެއް ދެވެން އޮތް ތޯ ބަލަންޖެހޭ ކަމަށް ބުނާ އުޞޫލު ވެސް އިނގިރޭސިވިލާތުގެ ކޯޓުތަކުގައި ބަލައިގަނެ ޤާއިމު ކޮށްފައިވާ ކަން ފާހަގަކުރެވެއެވެ. އެގޮތުން، އިނގިރޭސިވިލާތުގެ އެމްޕްލޯއިމަންޓު އެޕީލް ޓްރައިބިއުނަލްގެ British Airways PLC v Valencia ޤަޟިއްޔާގައި އެ ކޯޓުން އަންނަނިވި ފަދައިން ފާހަގަކުރެއެވެ.
“An order for re-instatement is an order that the employer shall treat the complainant in all respects as if he had not been dismissed. A re-engagement is different. It requires that the employee is engaged by the employer or by a successor of the employer or by an associated employer, in employment comparable to that from which he was dismissed or other suitable employment. It is engagement in a different role (albeit comparable or otherwise suitable) and may involve a change in the identity of the employer, the nature of the employment or the terms as to remuneration.” (Para 25-27)
"ކުރިން ހުރި ވަޒީފާ އަލުން އިޢާދަކޮށްދިނުމާއި، އެ ވަޒީފާއާގުޅޭ އެއް ފަންތިއެއްގެ އެހެން ވަޒީފާއެއް ދިނުމަށް އަމުރުކުރުމަކީ ތަފާތު ދެ ކަމެއް ކަމާއި، ވަޒީފާ އަލުން އިޢާދަކުރާއިރު، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ނޫން ކަމުގައި ބަލަންޖެހޭ ކަމާއި، އެ ވަޒީފާއާގުޅޭ އެއް ފަންތިއެއްގެ އެހެން ވަޒީފާއެއް ދިނުމަށް އަމުރުކުރުމަކީ ހަމަ އެ ވަޒީފާ ދިން ފަރާތް ނުވަތަ އެހެން ފަރާތެއްގެ ވިޔަސް، ކުރިން އަދާކުރަމުން ދިޔަ ވަޒީފާއާ އެއް ހަމައެއްގެ އެހެން ވަޒީފާއެއް ހަމަޖެއްސުން ކަމާއި، އެފަދަ ޙާލަތެއްގައި ވަޒީފާދިން ފަރާތް ވެސް، ވަޒީފާ އަދާކުރި ފަރާތް ވެސް އަދި ވަޒީފާގެ ޝަރުޠުތައް ވެސް ބަދަލުވެގެން ހިނގައިދާނެ ކަމެވެ."
މިގޮތުން މި މައްސަލައަށް ބަލާއިރު، އާމިނަތު އަރީޖް ޙުސައިންއާ ދެކޮޅަށް ކުރެވުނު ތުހުމަތުގައި އެއްވެސް މިންވަރަކަށް އޭނާއާ ސުވާލު ކޮށްފައިނުވާ ކަމާއި، އާމިނަތު އަރީޖް ޙުސައިން ވަޒީފާއިން ވަކިކުރީ ރަސްމީ ލިޔެކިޔުން ކަމާނުގުޅޭ ފަރާތްތަކާ ޙިއްޞާކުރާ ކަމުގެ ތުހުމަތުގައި ކަމަށް ބުނާއިރު، އާމިނަތު އަރީޖް ޙުސައިން ވަޒީފާއިން ވަކިކުރީ، އެއިން އެއްވެސް ލިޔުމެއް ނުވަތަ މަޢުލޫމާތެއް ކަމާ ނުގުޅޭ އެއްވެސް ފަރާތަކަށް އާމިނަތު އަރީޖް ޙުސައިން ޙަޤީޤަތުގައި ވެސް ޙިއްޞާކުރިކަމުގެ ކުޑަނަމަވެސް ހެއްކެއް ޤަރީނާއެއް ވެސް ނެތް ޙާލަތެއްގައި ކަމާއި، އެއްވެސް މިންވަރަކަށް ބެލުމެއް ނެތި، އެކަށީގެންވާ މިންވަރަށް ތަޙުޤީޤެއް ކުރުމެއް ނެތި، ސުވާލު އުފެދޭ ގޮތަކަށް ކަން ޤަބޫލުކުރުމުގެ އެކަށީގެންވާ ޖާގަ އޮތް ޙާލަތެއްގައިކަން ފާހަގަކުރެވެއެވެ.
ވަޒީފާ ރުޖޫޢަކޮށް ދިނުން
ވަޒީފާއާބެހޭ ޓްރެބިއުނަލްއިން ނިންމާފައިވަނީ، ދެ ފަރާތް ދެމެދު އޮތް އިތުބާރު ގެއްލިފައިވާތީ، އާމިނަތު އަރީޖު ޙުސައިންގެ ވަޒީފާ ރުޖޫޢަކޮށް ދެވެން ނެތް ކަމަށެވެ. އާމިނަތު އަރީޖު ޙުސައިންގެ ފަރާތުން މި މައްސަލަ އިސްތުނާފު ކޮށްފައިނުވެއެވެ. މި މައްސަލަ ހައިކޯޓުގައި އިސްއިތުނާފު ކުރީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުންނެވެ.
މި މައްސަލައިގައި އާމިނަތު އަރީޖު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ވެފައި، ވަޒީފާ ރުޖޫޢަ ކޮށްދެވެން ނެތް ކަމަށް ޓްރެބިއުނަލުން ނިންމި ނިންމުން އާމިނަތު އަރީޖު ޙުސައިންގެ ފަރާތުން ހައިކޯޓުން އިސްތިއުނާފު ކޮށްފައިނުވާއިރު، މި މައްސަލައިގައި ވަޒީފާ އަނބުރާ ދިނުމުގެ ފަރުވާ ދެވިދާނެ ތޯ ބަލާއިރު، އަންނަނިވި ކަންކަން ފާހަގަކުރެވިފައި ވެއެވެ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނުކުތާތަކަށް ބަލާއިރު، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާ ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ނިންމާފައިވާ ނިންމުމަށް އެ ފަރާތުން ހައިކޯޓަށް ހުށަހެޅި އެއް ނުކުތާގައި ތަޢުނުކޮށްފައިވާ ކަމާއި، ދެ ފަރާތް ދެމެދު އިރުބާރު ނެތް ކަމަށް ނިންމާފައިވަނީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ހުށަހެޅި ހެކިތަކުގެ މައްޗަށް ބިނާކޮށް ކަމަށް ވެފައި، އެ ޙާލަތުގައި ބަދަލު ނަގައި ދީފައިވުމުން އާމިނަތު އަރީޖު ޙުސައިންއަށް ނުޙައްޤު މަންފާއެއް ލިބޭ ކަމަށް ބުނެ ހުށަހެޅި ނުކުތާއެއް ހިމެނޭ ކަން ފާހަގަކުރެވޭ ކަމާއި، މިގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މައްސަލައިގެ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަމާއި ދެ ފަރާތް ދެމެދުގައި އޮންނަން ޖެހޭ އިތުބާރު އޮތުމާއި ނެތުމާ ގުޅިގެން ދެ ފަރާތުން ޖަދަލުކޮށްފައިވާ ކަމާއި، މި ކަންކަމަކީ ވަޒީފާއާބެހޭ މައްސަލައެއްގައި ހިމެނޭ އެންމެހައި އަސާސްތައް ކަން ފާހަގަކުރެވޭ ކަމެވެ.
މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ވުމާމެދު ދެ ފަރާތުން ކުރި ޖަދަލަށް ބަލައި، މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާ ކަމަށް ހައިކޯޓުން ކަނޑައަޅާފައިވާ ކަމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން ވަޒީފާ އަލުން އިޢާދަކޮށްދީފައި ނުވަނީ ދެ ފަރާތް ދެމެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ކަމަށް ވާއިރު، މައްސަލައިގައި އާމިނަތު އަރީޖު ޙުސައިންއާ ދެކޮޅަށް ހުށަހެޅިފައި އޮތް ހަމައެކަނި ހެއްކަކީ އިންޓެލިޖެންސް ރިޕޯޓު ކަމަށް ވާއިރު، އެ ރިޕޯޓަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެޗް.އާރް.އެމް.ޑީ ކޮމިޓީ އާއި އަދި ވަޒީފާއާބެހޭ ޓްރެބިއުނަލަށް ފެނިފައިވާ ރިޕޯޓެއް ނޫން ކަމަށާއި، އެ ރިޕޯޓު އެ ދެ ތަނަށް ހުށަނޭޅޭ ކަމާއި، އެ ދެ ތަނަށް ހުށަހެޅުނީ ހަމައެކަނި އެ ކަމާބެހޭ ގޮތުން ބުނާ މަޢުލޫމާތުތަކެއް ކަމާއި، ހަމައެކަނި އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ހައިކޯޓުން ބުނެފައިވުމާއި، އިތުބާރު ނެތް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތުމުން، އިތުބާރު އޮތް ކަމަށް ބަލައި، އެ ޙާލަތުގެ ދޭންޖެހޭ އަސާސީ ފަރުވާ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބުނާ ފަރުވާ ކަމުގައިވާ ވަޒީފާ އަލުން އިޢާދަ ކުރުމުގެ ފަރުވާ ދިނުމުގެ އިޚްތިޔާރު ހައިކޯޓުގެ ކުރިމަތީގައި އޮތް ކަމެވެ.
ވަޒީފާއަށް އަލުން ރުޖޫޢަ ކުރުމަކީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ ޙާލަތުގައި ދެވޭ ފަރުވާތަކުގެ ތެރެއިން އެންމެ އަސާސީ ފަރުވާ ކަމާއި، ވަޒީފާއަށް އަލުން ރުޖޫޢަ ކުރުމާއި ނުކުރުން ބިނާވާ އެއް ކަމަކީ ދެ ފަރާތް ދެމެދު ޤާއިމުވެފައިވާ އިތުބާރު ދެމިއޮތުމާއި ނުއޮތުމުގެ މައްޗަށް ކަމާއި، އިތުބާރުގެ ވާހަކަ އިސްތިއުނާފު ކުރެވިފައިވާ ކަމާއި، ދެ ފަރާތުން އިތުބާރާބެހޭ ގޮތުން ހައިކޯޓުގެ ޝަރީޢަތުގައި ވާހަކަ ދައްކާފައިވާ ކަމާއި، މި ޙާލަތުގައި އިތުބާރު ނެތް ކަމަށް ބުނެ، ޓްރައިބިއުނަލުން ދިން ފަރުވާ ރަނގަޅު ނޫން ކަމަށް ވާނަމަ ރަނގަޅު ފަރުވާ ދިނުމުގެ އިޚްތިޔާރު ހައިކޯޓަށް އޮންނާނެ ކަމާއި، ސަބަބަކީ އެ ފަރުވާ އެ ކަމެއްގެ މައްޗަށް ބިނާވާ، ދެ ފަރާތް ދެމެދުގައިވާ އިތުބާރުގެ މައްސަލަ ވަނީ އިސްތިއުނާފު ކުރެވި ޝަރީޢަތުގައި ދެ ފަރާތުން ވާހަކަދައްކާފައި ކަމެވެ.
މި މައްސަލައިގައި އާމިނަތު އަރީޖު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި، ޖަވާބުދާރީވުމަށް ފުރުސަތެއް ދިނުމެއް ނެތި، ހަމައެކަނި ލިބުނު ޚަބަރެއްގެ މައްޗަށް ކަމަށް ވާއިރު، މި ޙާލަތުގައި ވަޒީފާ އިޢާދަ ނުކުރުމަކީ ވަޒީފާ ދޭފަރާތުގެ އެކަށީގެންނުވާ ޢަމަލުތައް ބަލައިގަތުން ކަމަށް ދޭހަވާނޭ ޙާލަތެއް ކަމާއި، މިއީ އަލުން ވަޒީފާ ދިނުމަށް ބާރު އަޅާ ޙާލަތްތަކުގެ ތެރެއިން ޙާލަތެއް ކަން، އަސްފާޤު ވަޙީދުގެ މައްޗަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހުށަހެޅުމުން ބެލުނު މައްސަލައިގައި ސުޕްރީމް ކޯޓުން ފާހަގަކޮށްފައިވާކަމެވެ.
ވަޒީފާ އަނބުރާ އިޢާދަ ކޮށްދެވެން ނެތް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައި ވަނީ ދެ ފަރާތް ދެމެދު އޮތް އިތުބާރު ނެތް ކަމަށް ބުނެ ކަމަށް ވާއިރު، އިތުބާރު ނެތް ކަމަށް ބެލެވޭނެ އެއްވެސް ކަމެއް ނެތުމުން، އިތުބާރު އޮތް ކަމަށް ބަލަންޖެހޭ ކަމާއި، އެ ޙާލަތުގައި ދެވޭނެ އަސާސީ ފަރުވާއަކީ ވަޒީފާ އަލުން ރުޖޫޢަކުރުން ކަމާއި، ވަޒީފާ ރުޖޫޢަކޮށް ދިނުމަށް އާމިނަތު އަރީޖު ޙުސައިންގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެދިފައިވާ ކަމާއި، ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވެސް އޭނާގެ ފަރާތުން އެކަމަށް އެދިފައިވާކަން އެނގެން އޮތްއިރު، ދެ ފަރާތް ދެމެދުގައި އިތުބާރު އޮތް ކަމަށް ބެލެވޭ ޙާލަތުގައި ވެސް، ވަޒީފާއާބެހޭ ޓްރައިބިއުނަލްއިން ވަޒީފާ އިޢާދަ ކުރުމެއް ނެތި، ބަދަލެއް ނަގާދީފައިވަނީ ރަނގަޅަށް ކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ރަނގަޅު ނޫން ކަން ފާހަގަކުރެވޭ ކަމާއި، މި ޙާލަތުގައި ދޭންޖެހޭ އަސާސީ ފަރުވާއަކީ ވަޒީފާ އަލުން އިޢާދަ ކޮށްދިނުން ކަމަށް ވާތީ، އާމިނަތު އަރީޖު ޙުސައިންގެ ވަޒީފާ އަލުން އިޢާދަ ކޮށްދޭން ޖެހޭ ކަމެވެ.
އަދި ހަމަ އެއާއެކު، ވަޒީފާ ދިނުމުގެ އިތުރުން، މި ޙާލަތުގައި ވަޒީފާއާބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (3) ގައި ބަޔާންކޮށްފައިވާ ފަދައިން ބަދަލެއް ނަގައިދޭން ޖެހޭ ކަމާއި، މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މި ބާވަތުގެ މައްސަލަތަކުގައި ވަޒީފާ ދިނުމުގެ އިތުރުން، ބަދަލެއް ނަގައިދީފައިވެއެވެ. އޭގެ ތެރޭގައި އަސްފާޤު ވަޙީދުގެ މައްޗަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއިން ހުށަހެޅުމުން ބެލުނު މައްސަލަ ހިމެނެއެވެ. މިގޮތުން އާމިނަތު އަރީޖު ޙުސައިންއަށް ވަޒީފާ ދިނުމުގެ އިތުރުން، ބަދަލެއް ލިބުން ޙައްޤު ކަން ފާހަގަކުރެވެއެވެ.
އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމުން، އާމިނަތު އަރީޖު ޙުސައިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި، ދިފާޢުގައި ބަހެއް ބުނުމުގެ ފުރުސަތު ދިނުމެއް ނެތި، މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން އެއްވެސް މިންވަރަކަށް ޤާއިމު ކުރުމެއްނެތި ކަން ސާބިތުވާތީ އާއި، މި ރައުޔުގެ 29 ވަނަ ޕެރެގެރާފްގައި ބަޔާންވެގެންވާ ފަދައިން، އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ހައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް އަލުން ރުޖޫޢަކުރުން، ނުވަތަ އޭނާއަށް އެ ވަޒީފާއާގުޅޭ އެކަށީގެންވާ އެހެން ވަޒީފާއެއް ހަމަޖެއްސުން ކަމަށް ވުމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އާމިނަތު އަރީޖު ޙުސައިންގެ ވަޒީފާ އަލުން އިޢާދަކޮށްދީފައި ނުވަނީ ދެ ފަރާތް ދެމެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ބުނެ ކަމަށް ވާއިރު، މައްސަލައިގައި އާމިނަތު އަރީޖު ޙުސައިންއާ ދެކޮޅަށް ހުށަހެޅިފައި އޮތް ހަމައެކަނި ހެއްކަކީ އިންޓެލިޖެންސް ރިޕޯޓު ކަމަށް ވާއިރު، އެ ރިޕޯޓަކީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ އެޗް.އާރް.އެމް.ޑީ ކޮމިޓީއާއި އަދި ވަޒީފާއާބެހޭ ޓެރެބިއުނަލަށް ފެނިފައިވާ ރިޕޯޓެއް ނޫން ކަމަށާއި، އެ ރިޕޯޓު އެ ދެ ތަނަށް ހުށަނޭޅޭ ކަމާއި، އެ ދެ ތަނަށް ހުށަހެޅުނީ ހަމައެކަނީ އެ ކަމާބެހޭ ގޮތުން ބުނާ މަޢުލޫމާތުތަކެއް ކަމާއި، ހަމައެކަނި އެ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ފިޔަވަޅެއް ނޭޅޭނެ ކަމަށް ހައިކޯޓުން ބުނެފައިވުމާއި، އިތުބާރު ނެތް ކަމަށް ބެލެވޭނެ އެއްވެސް ހެއްކެއް ޤަރީނާއެއް ނެތުމުން، އިތުބާރު އޮތް ކަމަށް ބަލައި، އެ ޙާލަތުގައި ދޭންޖެހޭ އަސާސީ ފަރުވާ ކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބުނާ ފަރުވާ ކަމުގައިވާ ވަޒީފާ އަލުން އިޢާދަ ކުރުމުގެ ފަރުވާ ދިނުމުގެ އިޚްތިޔާރު ހައިކޯޓުގެ ކުރިމަތީގައި އޮތް ކަމާއި، ވަޒީފާ އަލުން ރުޖޫޢަ ކޮށްދިނުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލް އާއި ހައިކޯޓާއި އަދި ސުޕްރީމް ކޯޓުގައި ވެސް އާމިނަތު އަރީޖު ޙުސައިންގެ ފަރާތުން އެދިފައިވާތީ، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އާމިނަތު އަރީޖު ޙުސައިން އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެއާ އެއް ފެންވަރުގެ އެހެން ވަޒީފާއެއް ހަމަޖެއްސުމާއެކު ޢަދުލުވެރި ބަދަލެއް އާމިނަތު އަރީޖު ޙުސައިންއަށް ޙައްޤުވާތީ، ހައިކޯޓާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާން ކުރެވުނު ސަބަބުތައް އެހެން ހުރުމުން، އާމިނަތު އަރީޖު ޙުސައިން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އަދާކުރަމުން ދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއް ފެންވަރުގެ އެހެން ވަޒީފާއެއް މިއަދުން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އާމިނަތު އަރީޖު ޙުސައިންއަށް ހަމަޖައްސައި ދިނުމަށާއި، އާމިނަތު އަރީޖު ޙުސައިން ވަޒީފާއިން ވަކިކޮށްފައިވަނީ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން އެއްވެސް މިންވަރަކަށް ޤާއިމު ކުރުމެއް ނެތި ކަމަށް ވާތީ، ބަދަލެއްގެ ގޮތުން އާމިނަތު އަރީޖު ޙުސައިންއަށް އަސާސީ މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ 11,158/-ރ. (އެގާރަހާސް އެއްސަތޭކަ ފަންސާސް އަށް ރުފިޔާ) ގެ ނިސްބަތުން 6 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރައަށްވާ 66,948/-ރ. (ފަސްދޮޅަސް ހަހާސް ނުވަސަތޭކަ ސާޅީސް އަށް ރުފިޔާ) މިއަދުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އާމިނަތު އަރީޖު ޙުސައިންއަށް ދިނުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަންގައި، މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/376 ޤަޟިއްޔާގެ ނިންމުމާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 4/VTR/2016 މައްސަލައިގެ ނިންމުން ބާޠިލު ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.