ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2012/SC-C/35ސުޕްރީމް ކޯޓު · 14 މާރިޗު 2013

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމަކުން ތަފާތުކޮށްފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 14 މާރިޗު 2013ބާވަތް: ދުސްތޫރީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 35/SC-C/2012

ދަޢުވާކުރާ ފަރާތް: މުޙައްމަދު ފަހުމީ ޙަސަން،

ދަޢުވާ ލިބޭ ފަރާތް: ރައްޔިތުންގެ މަޖިލިސް (ދައުލަތް)

މައްސަލައިގެ ބާވަތް: ދުސްތޫރީ މައްސަލަ

މައްސަލަ އައިގޮތް: ދުސްތޫރީ މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭ ފޯމުން

ހުށަހެޅުނު ތާރީޚް: 11 ޑިސެންބަރު 2012

ނިމުނު ތާރީޚް: 14 މާރޗް 2013

މައްސަލަ ނިންމި ގަޑި: 19:30

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން، ފަނޑިޔާރު ޢަބްދުﷲ ސަޢީދު، ފަނޑިޔާރު ޢަބްދުﷲ ޢަރީފް، ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު، ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ، ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ، ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާން

________________________________________________________________

މައްސަލައިގެ ޚުލާޞާ:

މި މައްސަލައަކީ 20 ނޮވެމްބަރު 2012ވީ އަންގާރަ ދުވަހު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓަކުން، ސިވިލް ސަރިވިސް ކޮމިޝަނުގެ މެންބަރުކަމުން ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ޙަސަން ވަކިކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ އާއި 17 ވަނަ މާއްދާގެ (ހ) އާއި 20 ވަނަ މާއްދާ އާއި ، 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާގެ (ހ) އާއި 51 ވަނަ މާއްދާގެ (އ)އާ ޚިލާފަށް، ޤާނޫނުއަސާސީން ޤަރާރުކޮށްފައިވާ ދުސްތޫރީ މަބްދައުތަކާއި އުޞޫލުތަކުގެ ބޭރުން، ޤާނޫނުއަސާސީއާ ޚިލާފަށް ކަމަށްވާތީ، މުޙައްމަދު ފަހުމީ ޙަސަން ގެ މައްޗަށް ކުރެވުނުކަމަށް ބުނާ ޖިނާއީ ތުހުމަތާ ވިދިގެން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ހިންގާފައިވާ އެންމެހައި އިޖުރާއާތުތަކަކީ ޣައިރު ދުސްތޫރީ އިޖުރާއާތުތަކެއް ކަމަށް ކަނޑައަޅައިދިނުމަށާއި، އެ އިޖްރާއުތަކުގެ މައްޗަށް ބިނާކޮށް ރައްޔިތުންގެ މަޖިލީހުން މުޙައްމަދު ފަހުމީ ޙަސަންއާމެދު އަޅާފައިވާ އެންމެހައި ފިޔަވަޅުތަކަކީވެސް ބާޠިލު ފިޔަވަޅުތަކެއް ކަމަށް ކަނޑައަޅައި ދިނުން އެދި ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ށ)އާއި (ނ)ގެ ދަށުން ބަލައިދިނުން އެދި ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ޙަސަން ދައުލަތުގެ މައްޗަށް ހުށަހަޅައިގެން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބެލެވިފައިވާ މައްސަލައެކެވެ.

ފާހަގަކުރެވުނު ނުކުތާތައް:

މި މައްސަލާގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި ހުށަހަޅާފައިވާ ލިޔުންތަކަށާއި މާތްވެގެންވާ އިސްލާމީ ޝަރީޢަތަށާއި މީލާދީ ސަނަތުން 2008 ވަނަ އަހަރުގެ އޯގަސްޓް މަހުގެ 7ވީ ބުރާސްފަތި ދުވަހު، ދިވެހިރާއްޖޭގައި ޢަމަލުކުރަންފަށާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ (މީގެ ފަހުން ޤާނޫނުއަސާސީކަމަށް މި ރިޕޯޓުގައި ބުނެފައިވާ) އަށާއި އެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށްފައިވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގެ މައްޗަށް ޝަރުޢީ، ދުސްތޫރީ، އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެ އެވެ.

(ހ) ފުރަތަމަކަމަކީ، މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުން ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރަކު ވަކިކުރުމަށް ވޯޓު ނެގުމުގެ ކުރިއަށް އައި އިޖުރާއާތުތަކަކީ ޤާނޫނުއަސާސީއާ ޚިލާފުވާ އިޖުރާއާތުތަކެއްކަމަށާއި މީގެސަބަބުން އެ މެންބަރުގެ އަސާސީ ޙައްޤުތަކަށް އުނިކަން އަންނަކަމަށް ބުނެ ހުށަހަޅާފައިވާ ދަޢުވާއަކަށްވުމުން މިއީ އެ އިޖުރާއާތުގެ މަޝްރޫޢިއްޔަތު (ލެޖިޓިމެސީ) އާއި ދުސްތޫރީއްޔަތު (ކޮންސްޓިޓިޔުޝަނަލިޓީ) އާމެދު ޚިލާފު އުފެދިފައިވާ މައްސަލައެއްކަން އެނގެން އޮންނައޮތުމެވެ.

(ށ) ދެވަނަކަމަކީ، ޤާނޫނުއަސާސީގައި މަބްދައުލް މަޝްރޫޢިއްޔަތާއި (ޕްރިންސިޕަލް އޮފް ލީގަލްޓީ) މަބްދައުއް ދުސްތޫރިއްޔަތު (ޕްރިންސިޕަލް އޮފް ކޮންސްޓިޓިޔުޝަނަލްޓީ) ކަނޑައެޅިފައި އޮތްގޮތުގެ މައްޗަށް ބަލާއިރު، ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ އިޖުރާއާތެއް ނުވަތަ ދައުލަތުގެ ރަސްމީ ކޮންމެ ނިންމުމެއްވިޔަސް އެއްވެސް އިސްތިޘްނާއެއްނެތި ޤާނޫނުއަސާސީގެ އެންމެހައި މާއްދާތަކާ އެއްގޮތްވާންވާނެކަމާއި، ދައުލަތުގައި ޢަމަލުކުރެވޭ އެއްވެސް ޤަވާޢިދެއް، ނުވަތަ ދައުލަތުގެ އެއްވެސް ބާރެއްގެ ނުވަތަ މުއައްސަސާއެއްގެ އެއްވެސް ޤަރާރެއް، ނުވަތަ އެއްވެސް ނިންމުމެއް، ނުވަތަ އެއްވެސް އިޖްރާއެއް ނުވަތަ އެއްވެސް ޤާނޫނެއްގެ އެއްވެސް މާއްދާއަކާ އަދި ޤާނޫނުއަސާސީގެ އެއްވެސް މާއްދާއަކާ ތަޢާރުޟުވެއްޖެނަމަ އެ ތަޢާރުޟުވި މިންވަރު ބާޠިލުވާނެކަން އެނގެން އޮންނައޮތުމެވެ.

(ނ) ތިންވަނަކަމަކީ، ބުނެވިދިޔަ ފަދަ ނިންމުންތަކުގެ މަޝްރޫޢިއްޔަތުކަމާމެދު ނުވަތަ ދުސްތޫރިއްޔަތުކަމާމެދު ޖުޑީޝަލް ރިވިއު ކުރުމަށް ހުށަހެޅޭ މައްސަލަތައް ޖުޑީޝަލް ރިވިޔު ކުރުމުގައި އަންނަނިވި އުޞޫލުތަކަށް، މައްސަލަ ބަލާ ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަން ޤާއިމްވެފައިވާ ޖުޑީޝަލް ރިވިއުތަކުގެ އުޞޫލުތަކުން އެނގޭކަމާއި މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކުރީގެ ޤަޟިއްޔާތަކުގައި ކަނޑައަޅައިފައިވާކަން އެނގެން އޮންނަ އޮތުމެވެ.

އެ ނިންމުމެއް ނިންމީ ނުވަތަ އެ އިޖުރާއާތެއް ހިންގީ އެ ނިންމުމެއް ނުވަތަ އެ އިޖުރާއާތެއް ހިންގުމުގެ އިޚްތިޞާޞް އާއި ބާރު ޤާނޫނީ ގޮތުން ލިބިގެންވާ ފަރާތަކުން ކަން ނުވަތަ ނޫންކަން.

އެ ނިންމުމެއް ނިންމުމުގައި ނުވަތަ އެ އިޖުރާއާތެއް ހިންގުމުގައި ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ނުވަތަ މި ދެ އަޞްލުންކުރެ އަޞްލަކުން ބާރު ދޭ ޤަވާޢިދަކުން ތަބާވުން ލާޒިމުކޮށްފައިވާ ޝަކްލިއްޔާތު (ފޯރމަލިޓީސް) އާއި އިޖުރާއާތުތަކަށް ތަބާވެފައިވާކަން ނުވަތަ ނޫންކަން.

އެ ނިންމުމެއް ނިންމިއިރު ނުވަތަ އެ އިޖުރާއާތަކަށް ޢަމަލުކުރިއިރު، ޤާނޫނުއަސާސީ އާއި ދައުލަތުގައި ޢަމަލުކުރެވޭ އެއްވެސް ޤާނޫނަކާ ނުވަތަ ޤަވާޢިދަކާ ޚިލާފު ނިންމުމެއްކަން ނުވަތަ ނޫންކަން.

އެ ނިންމުމެއް ނިންމުމުގައި ނުވަތަ އެ އިޖުރާޢާތަކަށް ޢަމަލުކުރުމުގައި އިޚްތިޔާރީ ބާރުގެ ބޭނުން ނުރަނގަޅުގޮތުގައި ނުވަތަ ނާޖާއިޒު ގޮތުގައި ބޭނުންކޮށް ޤާނޫނީގޮތުން އެ މަޤްޞަދަކަށްޓަކައި އެ ނިންމުން ނުވަތަ އެ އިޖުރާއާތު އޮންނަންޖެހޭ އިންތަކުން އެ ނިންމުން ނުވަތަ އެ އިޖުރާއާތު ބޭރުވެފައިވާކަން ނުވަތަ ނޫންކަން.

އެ ނިންމުން ނުވަތަ އެއިޖުރާއާތު ބިނާކުރީ މާއްދީ ޙަޤީޤަތްތަކެއް ނުވަތަ ވާޤިޢާތަކެއްގެ މައްޗަށް ކަމުގައިވާނަމަ އެޙަޤީޤަތް ހަމަ އެގޮތަށް ހުރިކަން ނުވަތަ ނޫންކަން އަދި އެނިންމުން ނުވަތަ އެ އިޖުރާޢާތު ބިނާކޮށްފައިވާ ޤާނޫނީ ސަބަބުތައް ޞައްޙަކަން ނުވަތަ ނޫންކަން.

(ރ) ހަތަރުވަނަކަމަކީ، 20 ނޮވެމްބަރު 2012 ވީ އަންގާރަ ދުވަހު ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ނެގުނު ވޯޓަކުން، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ޙަސަންއާމެދު ނިންމާފައިވާ ނިންމުން ނިންމާފައިވަނީ ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުގެ ދަށުންކަމަށާއި އެނިންމުމަކީ ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ ދަށުން މަޖިލީހުގައި ކަމެއްހިނގިގޮތް ނުވަތަ ޕްރޮސީޑިންގެ މައްސަލައެއްކަމަށާ އެހެންކަމުން އެކަން ހިނގިގޮތުގެ ޞައްޙަކަން ބެލުމަށް އެއްވެސް ކޯޓަކަށް ހުށަނޭޅޭނެކަމަށް ދައުލަތުގެ ފަރާތުން އިޢުތިރާޟްކޮށް ހުށަހެޅި ނުކުތާ އެވެ.

މި ނުކުތާއަށް ނަޒަރުކުރިއިރު، އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެ އެވެ.

1. ޤާނޫނުއަސާސީގެ 88 ވަނަ މާއްދާގެ (ށ)ގައި މި ޤާނޫނުއަސާސީގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ނުވާހައި ހިނދަކު، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ކަމެއް ހިނގިގޮތުގެ ޞައްޙަކަން ބެލުމަށްޓަކައި އެއްވެސް ކޯޓަކަށް ހުށަނޭޅޭނޭކަމަށް އޮތްއޮތުމަކީ ރައްޔިތުންގެ މަޖިލީހުން (ޤާނޫނުހަދާ ބާރުން) ނުވަތަ ރައްޔިތުންގެ މަޖިލީހުގައި ހިނގާ ހުރިހާ ކަންތަކެއް ނުވަތަ އިޚްތިޔާރީ ބާރު ބޭނުންކުރާ ހުރިހައި ކަންތަކެއް ޖުޑީޝަލް ރިވިއު ނުކުރުމަށް އޮތް ޢާންމު ޤާއިދާއެއްނޫންކަމާއި ޕާރލިމެންޓަރީ ޕްރޮސީޑިންގައި ހިމެނޭކަމެއްކަމުގައިވިޔަސް އެކަމެއް ޤާނޫނުއަސާސީގެ އެހެން މާއްދާތަކާ ޚިލާފުވާކަމަށް ބުނެ ކަމާބެހޭ ކޯޓަށް ހުށަހެޅޭނެކަން "މި ޤާނޫނުއަސާސީގައި އެހެންގޮތަކަށް ބަޔާންކޮށްފައިވާ ނުވާހައި ހިނދަކު" މިފަދައިން މި މާއްދާގައި ބަޔާންވެފައި އޮތުމުން މި މާއްދާއިން ސާފުކޮށް އެނގޭކަމާއި، މިނޫންގޮތަކަށް މި މާއްދާ މާނަކުރުމަކީ މި މާއްދާގެ ޞަރީޙަ ނައްޞާ ޚިލާފުވާނެ ކަމެއް ކަމަށްވުމުގެ އިތުރަށް ޤާނޫނު އަސާސީގެ "ރޫހާއި އަކުރާ" އެއްގޮތްނުވާނެ ކަމެއްކަމާއި ޤާނޫނުއަސާސީ ގެ 88 ވަނަ މާއްދާގެ (ށ) ގައި މި ޙުދޫދު ކަނޑައެޅިފައި އޮތް މިންވަރަށް ވުރެ ފުޅާކުރުމަކީ ޤާނޫނުއަސާސީއާ "ރޫލް އޮފް ލޯ" އާއި، މިޒަމާނުގެ ދުސްތޫރީ އުޞޫލުތަކާ ކަނޑައެޅިގެން ތަޢާރުޟުވާނެކަމެއްކަން އެނގެން އޮންނާތީ ރައްޔިތުންގެމަޖިލީހުން ނިންމާ ނިންމުމެއްވިޔަސް، ޤާނޫނުއަސާސީގެ މާއްދާއަކާ ޚިލާފުވެފައިވާކަމަށް ނުވަތަ ޣައިރު ޤާނޫނީ ނުވަތަ ޣައިރު ދުސްތޫރީ ބޮޑުކަމެއް ހިނގައިފިކަމަށް ހުށަހެޅޭ މައްސަލަތައް ބަލައި ޖުޑީޝަލް ރިވިއުކުރުމުގެ ބާރު ކަމާބެހޭ ކޯޓުތަކަށް ލިބިގެންވާކަން ސާފުކޮށް އެނގެން އޮންނަކަމާ ނަމަވެސް ޕާރލަމެންޓް ޕްރޮސީޖާރއެއްގެ އިރެގިޔުލަރިޓީއަކާ ގުޅޭކަމެއް މީގެތެރޭގައި ނުހިމެނޭނެކަން އެނގެން އޮންނައޮތުމާއި މި އުޞޫލު މީގެކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާތަކުން ސާފުވެ އެނގެން އޮތުމުގެ އިތުރަށް ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ކޯޓުތަކުގެ ނިންމުންތަކާއި ދުސްތޫރީ މަބާދީތަކުން މި އުޞޫލު ސާފުކޮށް އެގެން އޮންނަކަމާއި އޭގެ ތެރޭގައި އިންޑިއާގެ ސުޕްރީމް ކޯޓުގެ ނަންބަރު 184 SCC3 (2007) ޤަޟިއްޔާގައި މި އުޞޫލު ސާފުކޮށް ބާޔާންކޮށްފައިވާކަން ފާހަގަކުރެވޭކަން.

2. (ހ) މި މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އިޖުރާއާތެއް ޤާނޫނުއަސާސީއާ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ޙައްޤުތަކަކާ ޚިލާފުވާކަމަށް ދަޢުވާކޮށް ޖުޑީޝަލް ރިވިޔުކުރަން އެދި ހުށަހަޅާފައިވާ މައްސަލައަކަށްވާއިރު، އެއްވެސް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް މި ބާބުގައި ބަޔާންވެގެންވާ އަސާސީ ޙައްޤަކާ ނުވަތަ މިނިވަންކަމަކާ ތަޢާރުޟުވާނަމަ އެ ޤާނޫނެއް ނުވަތަ އެ ޤާނޫނަކުން އެ ޙައްޤަކާ އެ މިނިވަންކަމަކާ ތަޢާރުޟުވާ މިންވަރެއްވާނީ ބާޠިލުއެއްޗެއްކަމަށް ޤާނޫނުއަސާސީގެ 63 ވަނަ މާއްދާގައި ބަޔާންކުރުމަށްފަހު، މި ބާބުގައި ބަޔާންވެފައިވާ "އެއްވެސް ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ، ނުވަތަ ހިފަހައްޓައިފިނަމަ، އިންޞާފުވެރި ޙައްލެއް ހޯދުމައްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ލިބިގެންވެއެވެ." މިފަދައިން ޤާނޫނުއަސާސީގެ 65ވަނަ މާއްދާގައި އޮތުމުން ދައުލަތުގެ ކޮންމެ ބާރަކުން ހިންގާކަމެއް ނުވަތަ އިޖްރާޢާތެއްކަމަށްވިޔަސް އެ އިޖުރާއާތެއް ނުވަތަ އެކަމެއް ޤާނޫނުއަސާސީގެ ދެވަނަ ބާބުގައިވާ އަސާސީ ހައްޤަކާ ޚިލާފުވާކަމަށްބުނެ ހުށަހެޅޭ މައްސަލަތަކަކީ ޖުޑީޝަލް ރިވިއުގެ އުސޫލުން ކަމާބެހޭ ކޯޓުތަކުން ބަލައި ފައިޞަލާކުރަންޖެހޭ މައްސަލަތަކެއްކަން ސާފުކޮށް އެނގެން އޮންނަކަން.

(ށ) ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގެ (ހ) ގައި "އިދާރީ ހިންގުމުގެ ދާއިރާއިން ކޮންމެ މީހަކާމެދުވެސް ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން، ޢަދުލު އިންޞާފުގެ ހަމަތަކާ އެއްގޮތަށް އެކަށީގެންވާ އަވަސްމިނެއްގައި ކަންކުރެވުމަކީ އެމީހަކަށް ލިބިގެންވާ ޙައްޤެއްކަމަށް ބަޔާންވެފައި އޮތުމާއި އެމާއްދާގެ (ށ) ގައި އިދާރީ ގޮތުން އަޅާފިޔަވަޅެއްގެ ސަބަބުން އެއްވެސް މީހެއްގެ ޙައްޤަކަށް ނުވަތަ އެއްވެސް ބައެއްގެ ޙައްޤަކަށް، ނުވަތަ މުޖްތަމަޢުގެ ޙައްޤަކަށް އުނިކަމެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ، އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ނުވަތަ އެބަޔަކަށް ނުވަތަ އެކަމުން ސީދާގޮތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ ފަރާތަކަށް ލިބިގެންވާކަމަށް އޮވެފައި، ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގެ (ހ) ގައި "ކޮންމެ މީހެއްގެ މަދަނީ ޙައްޤުތަކާއި ވާޖިބުތައް ކަނޑައެޅުމުގައި ނުވަތަ ޖިނާއީ ކުށުގެ ދަޢުވާ މީހެއްގެ މައްޗަށް އުފުލުމުގައި، ޤާނޫނަކުން ޤާއިމްކޮށްފައިވާ މިނިވަން އަދި މުސްތަޤިއްލު ކޯޓެއްގައި ނުވަތަ ޓްރައިބިއުނަލެއްގައި އެކަށީގެންވާ މުއްދަތެއްގެ ތެރޭގައި ޢާންމުކޮށް ހުޅުވައިލެވިގެން ބާއްވާ، އަޑުއެހުމެއްގައި އިންސާފުން ޝަރީޢަތްކުރެވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވެއެވެ." އޮންނައޮތުމަށާއި ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްގެ 8 ވަނަ މާއްދާގައި "ކޮންމެ މީހަކަށްމެ، އެމީހަކަށް ޤާނޫނުއަސާސީއަކުން ނުވަތަ ޤާނޫނަކުން ލިބިދީފައިވާ އަސާސީ ޙައްޤުތަކާ ޚިލާފަށްކުރެވޭ ޢަމަލުތަކަކަށް ކަމާބެހޭ ޓްރައިބިއުނަލަކުން ޢަދުލުވެރި ޙައްލެއް ލިބުމުގެ ޙައްޤު ލިބިގެންވާކަމަށް" އޮންނައޮތުމަށާއި، ޢަދްލު އިންޞާފު ހޯދުމަށް ޝަރުޢީ ކޯޓުތަކަށް ދިޔުމުގެ ޙައްޤު ކަށަވަރުކޮށް ދިނުމަށް އިސްލާމީ ޝަރީޢަތުގެ އަޞްލުތަކުގައި ބަޔާންވެގެންވާ ނައްޞުތަކަށާއި އިންސާނީ ޙައްޤުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރުމުން ޤާނޫނުއަސާސީގެ 43 ވަނަ މާއްދާގައި އިދާރީ ގޮތުން އަޅާފިޔަވަޅުކަމަށް ބުނެފައިވާ ފިޔަވަޅު މާނަކުރެވޭނީ ދައުލަތުގެ އެންމެހައި ފަރާތްތަކުން އަޅާ އިޖުރާއީ ފިޔަވަޅުތައްވެސް ހިމެނޭގޮތައްކަން އެނގެން އޮންނަކަމާއި ދައުލަތުގެ ބާރެއް، ނުވަތަ ދައުލަތުގެ ކަމަކާ ޙަވާލުވެހުރި ކޮންމެ ރަސްމީ ފަރާތެއްކަމުގައި ވިޔަސް އެފަރާތަކުން ކުރާކަމަކުން ނުވަތަ އަޅާފިޔަވަޅަކުން އެއްވެސް މީހެއްގެ ހައްޤަކާ ޚިލާފަށް އާރބިޓްރަރީއެއް ނުވަތަ އަނިޔާއެއް ލިބިއްޖެކަމަށް ފެނިއްޖެނަމަ އެކަމެއް ކޯޓަށް ހުށަހެޅުމުގެ ޙައްޤު އެމީހަކަށް ނުވަތަ އެބަޔަކަށް ނުވަތަ އެކަމުން ސީދާގޮތެއްގައި އަސަރު ފޯރައިފާނޭ ކޮންމެ މީހަކަށް ލިބިގެންވާކަން އެނގެން އޮންނަކަން.

3. ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަމެއް ލިބޭނެފަދަ ޢަމަލެއްކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެ ފަދަ ގޮތަކަށް ޤާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެން ނުވާނެކަމަށް ޤާނޫނު އަސާސީގެ 69 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވުމާއި " ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓސް"ގެ ޞަރީޙަ ނައްޞުން އިންސާނީ ޙައްޤުތައް "ރޫލް އޮފް ލޯ" (ޤާނޫނުގެ ޙުކުމް)ގެ ޒަރީޢާއިން ޙިމާޔަތް ކުރަންވާނެކަމަށް ބަޔާންކުރުމަށްފަހު، އެ ޑެކްލަރޭޝަނުގެ 10 ވަނަ މާއްދާގައި ކޮންމެ މީހަކަށްވެސް ފުރިހަމަ ހަމަހަމަކަމާއެކު ޢަދުލުވެރި އަދި ޢާންމުކޮށް ހުޅުވާލައިގެން އަޑުއެހުން ބާއްވައިގެން، މިނިވަން މުސްތަޤިއްލު ކޯޓަކުން އެމީހެއްގެ ޙައްޤުތަކާއި ވާޖިބުތައް ކަނޑައަޅައިދިނުމާ އަދި އެމީހަކާ ދެކޮޅަށް ކުރެވޭ ކޮންމެ ޖިނާއީ ތުހުމަތަކާ ގުޅިގެން ޝަރީޢަތް ކުރެވި ފައިސަލާވުމުގެ ޙައްޤު ކޮންމެ މީހަކަށް ލިބިގެންވާކަމަށް ބަޔާންވެފައި އޮތުމުން، ޤާނޫނާއި ޤާނޫނުގެ މަބާދީތައް ތަޠްބީޤުކޮށް ލެޖިސްލޭޓިވް (ޤާނޫނުހެދުމުގެ ބާރު)ގެ އަދި އެގްޒެކްޓިވް( ތަންފީޒީ ބާރުގެ)ގެ ޢަމަލުތައް ދުސްތޫރީ ގޮތުން ޞައްޙަކަން ކަނޑއެޅުމުގެ ފުރިހަމަ ވިލާޔަތާއި އޮތޯރިޓީ ކޯޓުތަކަށް ލިބިގެންވާކަން ކަށަވަރުކޮށްދެނީ "ރޫލް އޮފް ލޯ"ގެ މަބްދައުކަމާއި "ރޫލް އޮފް ލޯ އިން އެކްޝަން" ގެ އެންމެ ރަނގަޅު މިސާލުތަކަކީވެސް ޤާނޫނުތަކާއި ދައުލަތުގެ ރަސްމީ ނިންމުންތައް ދުސްތޫރީގޮތުން ޞައްޙަކަން ބެލުމަށް ޖުޑިޝަލް ރިވިއު ކުރުންކަން އެނގޭކަމާއި މިއުޞޫލަކީ ކުރިއަރާފައިވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ ޔުނިވަރސަލް މަބްދައެއްކަމާއި އިސްލާމީ ޝަރީޢަތުގައި ފަރުދުންގެ ޙައްޤުތައް ޙިމާޔަތްކުރުމަށް އޮތް އެންމެ ބޮޑު ގެރެންޓީއަކީ ޢަދުލުވެރި ޝަރީޢަތަކުން ފައިޞަލާކުރެވުމުގެ ޙައްޤުކަން އެނގެން އޮންނަކަން.

4. ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހަމަތަކާއި ޔުނައިޓެޑް ނޭޝަންސް އޮރގަނައިޒޭޝަންގެ ޗާރޓަރުގައިވާ ގޮތުގެމަތިން މިނިވަންކަމާއި ސިޔާދަތު ލިބިގެންވާ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި އަދި ބައިންލްއަޤްވާމީ ޤާނޫނީ ޝަޚްޞެއްގެ ގޮތުގައި ދައުލަތެއް ވުޖޫދުވެ ދެމި އޮތުމުގައި އެ ދައުލަތެއްގައި ފުރިހަމަވެފައިވުން ޝަރުޠުވާ އަސާސީ ރުކުންތަކަކީ ދައުލަތެއްގެ ކަނަޑައެޅިފައިވާ ބިމުގެ ސަރަޙައްދާއި ރައްޔިތުންނާއި ވެރިކަމުގެ ބާރާއި މި ތިން ރުކުން ކަމަށްވާއިރު، މި ތިން ރުކުނުގެތެރެއިން ވެރިކަމުގެ ބާރު، ސެޕަރޭޝަން އޮފް ޕަވަރސްގެ މަބްދައާ އެއްގޮތްވާގޮތުގެމަތިން، ޤާނޫނު އަސާސީގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާގައި ތިން ފަންކްޝަން އަދާކުރާ ތިން ބާރުކަމަށް ބަޔާންކުރުމަށްފަހު، ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ ޤާނޫނުއަސާސީގައިވާ ގޮތުގެމަތިންކަމަށް ޤާނޫނުއަސާސީގެ 8 ވަނަ މާއްދާގައި ސާފު ބަހުން ބަޔާންކޮށްފައިވުމާއި ދައުލަތުގެ ތިން ބާރުންކުރެ އެއްވެސް ބާރެއް އަނެއް ބާރެއްގެ ދުސްތޫރީ އިޚްތިޞާޞް ނުވަތަ ފަންކްޝަން އަދާކުރުމަކީ ޤާނޫނުއަސާސީ ތަންދޭކަމެއް ނޫންކަން ޤާނޫނު އަސާސީގެ ޞަރީޙަ ނައްޞުތަކުން ސާފުކޮށް އެނގޭކަމާއި، ޤާނޫނުއަސާސީން ސެޕަރޭޝަން އޮފް ޕަވަރއާއި ތިން ބާރުގެ މެދުގައި ޤާއިމްކޮށްފައިވާ ޗެކް އެންޑް ބެލަންސް ނިޒާމަކީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމާއި ޤާނޫނުއަސާސީގެ އަސާސީ ފީޗަރއެއްކަން ސާފުކޮށް އެނގެން އޮންނަކަން.

5. ބަޔާންވެދިޔަ "ސެޕަރޭޝަން އޮފް ޕަވަރސް" ގެ މަބްދައު ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ކަނޑައެޅިފައިވަނީ ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި އޮތްފަދަ ރިޔާސީ ނިޒާމްތަކުގައި މި ނިޒާމް އޮންނަފަދައިން، މި މަބްދައުގެ މަތިން އަދި ބިލް އޮފް ރައިޓްސް ހިމެނޭގޮތަށް، އެކަށައެޅި ލިޔެވިފައިވާ ޤާނޫނުއަސާސީއެއް ދައުލަތުގައި ހިންގޭ އެންމެ މަތީ ޤާނޫނުގެ ގޮތުގައި އޮތުމުގެ މައްޗަށާއި މޮންޓެސްކިޔޯގެ ލިޔުންތަކުން ސާފުވެ އެނގެން އޮތް އެއް ބާރު އަނެއް ބާރުގެ މައްޗަށް ޚުދުމުޚްތާރު ނުވެވޭނޭ ނުވަތަ ނުފޫޒު ނުފޯރުވޭނޭ އަދި އެއްބާރުން އަނެއްބާރަކުން ކުރާކަންތައްތަކާއި ނިންމާ ނިންމުންތައް ހުންނަނީ ދުސްތޫރީ އަދި ޤާނޫނީ އިމުގެ ތެރޭގައިކަން ފާރަވެރިވެ ބެލޭނޭ ދުސްތޫރީ އިޖުރާއާތުތަކަކާއި ގެރެންޓީތަކެއް ޤާނޫނުއަސާސީގައި ކަނޑައެޅި ބަޔާންވެފައިވުމުގެ މައްޗަށްކަމާއި ދުސްތޫރީ މި އިންތައް އެއްވެސް ބާރަކުން ފަހަނައަޅާގޮސްފިކަމަށް ނުވަތަ އެއް ބާރުން އަނެއްބާރުގެ ފަންކްޝަނުގެތެރެއަށް ވަދެއްޖެކަމަށް ނުވަތަ ދުސްތޫރާ ޚިލާފުވެއްޖެކަމަށް ހުށަހެޅޭ މައްސަލަތައްބަލައި ޖުޑީޝަލް ރިވިއުކުރުމަކީ ޖުޑީޝަރީގެ އަސްލު ފަންކްޝަނެއް ކަމާއި އަލްޓްރާވައެރަސްއެއް ނުވަތަ ދުސްތޫރުން ބަޔާންކޮށްފައިވާ އިން ފަހަނައަޅާ ގޮސްފައިވާކަމަށް ނުވަތަ ޤާނޫނެއް ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ހުށަހެޅޭ މައްސަލަތައް ބަލައި، ދުސްތޫރީ ގޮތުން ޞައްހަކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި، ޤާނޫނަކީ ކޮބައިކަން ކަނޑައެޅުމާއި ޤާނޫނު ތަފްސީރުކުރުމަކީ ޖުޑިޝަރީގެ މަސްއޫލިއްޔަތެއްކަމަށް ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ މަޝްހޫރު ތާރީޚީ ޤަޟިއްޔާ މަރބަރީ ވަރސެސް މެޑިސަން ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވުމާއެކު، މި މަބްދައަކީ ދީމިޤްރާޠީ މުޖްތަމަޢުތަކާއި އަދި ޤާނޫނުގެ ވެރިކަން ނަގަހައްޓާ ޤައުމުތަކުން ޤަބޫލުކޮށް ޢަމަލުކުރަމުން އަންނަ މަބްދައެއްކަމާއި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި މި އުސޫލު ބަޔާންވެފައިވަނީ އެއާމެދު އެއްވެސް ޝައްކަކަށް ޖާގަލިބޭގޮތަކަށް ނޫންކަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުން ނިމިފައިވާ ޤަޟިއްޔާތަކުގައި މި އުޞޫލު ސާފުކޮށް ބަޔާންކޮށްފައިވާކަމާ އެގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-C/2009 ޤަޟިއްޔާ އާއި 23/SC-C/2010 ޤަޟިއްޔާ އާއި 13/SC-A/2009 ޤަޟިއްޔާ ފާހަގަކުރެވިފައިވެ އެވެ.

6. (ހ) ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި އަދި މިބާރުތައް ދެމިއޮންނަނީ ރައްޔިތުންގެ ކިބައިގައިކަމަށް އޮވެފައި، ދައުލަތުގެ ތިން ބާރު ކަމުގައިވާ ވެރިކަން ހިންގުމުގެ ބާރާއި ޤާނޫނުހެދުމުގެ ބާރާއި ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރަކީ ޤާނޫނުއަސާސީން އުފައްދާފައިވާ ތިން ބާރުކަން ޤާނޫނުއަސާސީގެ 5 ވަނަ މާއްދާ އާއި 6 ވަނަ މާއްދާ އާއި 7 ވަނަ މާއްދާއިން އެނގެން އޮތުމާއި ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ހިންގާންވާނީ މި ޤާނޫނުއަސާސީގައިވާ ގޮތުގެމަތިންކަމަށް އޮތުމުން ދައުލަތުގެ ބާރުތަކާއި ދައުލަތުގެ އެކިކަންތަކާ ޙަވާލުވެފައިވާ ފަރާތްތަކާ ޙަވާލުވެފައިވާ އެންމެހައި މަސްއޫލިއްޔަތުތަކަކީ ޤާނުނީ މަސްއޫލިއްޔަތުތައްކަމާއި އެ ފަރާތްތަކާ ޙަވާލުވެފައިވާކަންތައް ޙަވާލުވެފައިވަނީ ޤާނޫނުއަސާސީއާ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި ރައްޔިތުންގެ ތެރެއިން ވަކިވަކި ފަރުދުންގެ އަސާސީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ޝަރުޠާއި ޢަހްދުގެ މަތިންކަން އެނގޭކަމާއި ދައުލަތުގެ ބާރުތަކުގެ ތެރޭގައި ހިމެނޭ ކޮންމެ ބާރަކުންވެސް އެ ބާރެއްގެ އިޚްތިޞާޞްތަކާއި ފަންކްޝަން އަދާކުރަންވާނީ ޤާނޫނުއަސާސީން އެބާރަކަށް ކަނޑައެޅިފައިވާ ދުސްތޫރީ އިންތަކުގެތެރޭގައި ޤާނޫނުއަސާސީއާއ އެއްގޮތްވާ ގޮތުގެމަތިންކަން އެނގެން އޮންނަކަން.

(ށ) "ދިވެހިރާއްޖޭގައި ހަދާ އެންމެހައި ޤާނޫނުތައް ހަދާންވާނީ މި ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެމަތީންނެވެ. މި ޤާނޫނުއަސާސީން ލާޒިމްކުރާ އެންމެހައިކަންކަން ފުރިހަމަކުރާންވާނެއެވެ. މިޤާނޫނުއަސާސީއާ ޚިލާފުވާގޮތަށް ހަދާ ކޮންމެ ޤާނޫނެއް، ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ވާނީ ބާޠިލް އެއްޗަކަށެވެ. އަދި އެފަދަ ޤާނޫނެއް، ނުވަތަ ޤާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެއެވެ. މިޤާނޫނު އަސާސީއާ ޚިލާފަށް ކުރާ ކޮންމެ ކަމަކީ ބާތިލްކަމެކެވެ." ޤާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ޞަރީހަ ނައްޞުން ބަޔާންވެފައިވުމާއި ޤާނޫނު އަސާސީގެ 299 ވަނަ މާއްދާގެ (ހ)ގައި ވެރިކަން ހިންގާ ފަރާތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ޢަދުލު އިންސާފު ޤާއިމްކުރުމުގެ ބާރުންނާއި މުސްތަޤިއްލު ކޮމިޝަންތަކުންނާއި މުސްތަޤިއްލު މަޤާމްތަކުގައި ތިބި މީހުންނާއި ދައުލަތުގެ މުއައްސަސާތަކުންނައި ދައުލަތުގެ މަޤާމްތަކާ ޙަވާލުވެ ތިބިމީހުންނާއި އެންމެހައި ރައްޔިތުން މި ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށުމާއެކު މި ޤާނޫނުއަސާސީގައިވާ އެންމެހައި ކަންތައްތަކަށް ފުރިހަމައަށް ކިޔަމަންވެ ޢަމަލުކުރަންވާނެކަމަށް އޮތުމުން ރާއްޖޭގެ ސަރަޙައްދުގައި ހިނގާ އެންމެ މަތީ ޤާނޫނަކީ ޤާނޫނު އަސާސީކަމާއި ދިވެހި ރާއްޖޭގައި އޮތީ ސުޕްރިމަސީ އޮފް ދަ ކޮންސްޓިޓުޝަން އަދި "ރޫލް އޮފް ލޯ" (ޤާނޫނުގެ ވެރިކަން) ގެ މަބްދައުކަން ޤާނޫނުއަސާސީގެ ޞަރީޙަ ނައްޞުން ސާފުކޮށް އެނގެން އޮންނަކަމާއި އެގޮތުން ދައުލަތުގެ އެއްވެސް ފަރާތެއްގެ ނިންމުމެއް ނުވަތަ ފިޔަވަޅެއް ނުވަތަ އިޖުރާއާތެއްވިޔަސް އާރބިޓްރަރީއިން ނުވަތަ އަނިޔާއިން އެއްކިބާވެފައިވާ ނިންމުމެއްކަން ނުވަތަ ފިޔަވަޅެއްކަން ކަށަވަރުކުރެވުމުގެ ޙައްޤަކީ "ރޫލް އޮފް ލޯ" ގެ އަސާސްކަމާ އެހެންކަމުން "ރޫލް އޮފް ލޯ"، އަށް (ޤާނޫނުގެ ޙުކުމަށް) ތަބާވާ ކޮންމެ ދައުލަތެއްގެ ވެސް އަސާސީ މަޤްސަދަކަށްވާންވާނީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކައިފާނެ ބިރަކަށް ޖެހިލުންނުވެ ތަޢައްޞުބުން އެއްކިބާވެފައިވާ ޝަރުޢީ ކޯޓެއްގެ ކުރިމަތީގައި ދައުލަތުގެ ކޮންމެ ގުނަވަނެއް ނުވަތަ މުއައްސަސާއެއްގެ ޢަމަލަކުން ކަމުގައި ވިޔަސް އެ ޢަމަލެއްގެ ސަބަބުން ލިބިފައިވާ އަރބިޓްރަރީއެއް ނުވަތަ އަނިޔާއެއް އޮތްނަމަ، އެކަށީގެންވާ ޢަދުލުވެރި ޕްރޮސީޖާރތަކަކުން އެކަމަކަށް ޢަދުލުވެރި ޙައްލެއް ލިބިދިނުންކަމާ މި ޙައްޤަކީ ދުސްތޫރީ ގޮތުން ގެރެންޓީ ކުރެވިފައިވާ ޙައްޤެއްކަމާއި ދުސްތޫރީގޮތުން ރޫލް އޮފް ލޯގެ މޮޑަރން މަފްހޫމް ކަނޑައެޅިފައިވަނީ އެންމެހައި ނުފޫޒްތަކުން އެއްކިބާކުރެވިފައިވާ މިނިވަންކަމާ މުސްތަޤިއްލުކަމާއެކު މަސައްކަތްކުރެވޭ ޖުޑީޝަލް ނިޒާމެއް ޤާއިމްވެ އޮތުމުގެ މައްޗަށް ކަން ސާފުކޮށް އެނގެން އޮންނަކަން.

7. ރޫލް އޮފް ލޯއަކީ ދައުލަތުގެ އެންމެހައި ބާރުތަކާއި ދައުލަތުގެ ރަސްމީ އެންމެހައިފަރާތްތަކުގެ އެންމެހައި މަސައްކަތް ޤާނޫނުގެ ޙުކުމުން (ރޫލް އޮފް ލޯ) އިން ރެގިޔުލޭޓްވުން ކަން އެނގޭކަމާއި ޤާނޫނުގެ ކުރިމަތީގައި އަދި އެމީހެއްގެ މައްޗަށް ޤާނޫނު ހިންގުމުގައި ކޮންމެ މީހަކީވެސް ހަމަހަމަވެގެންވާ މީހެއްކަމާއި ޤާނޫނުގެ ރައްކާތެރިކަމާއި، ޤާނޫނުން ލިބިދޭ މަންފާތައް ހަމަހަމަކަމާއެކު ލިބުމަކީ ހަމަ ކޮންމެ މީހެއްގެ ވެސް ޙައްޤަކަށްވެފައި ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން އޮތުމަކީ އެންމެހައި ޙައްޤުތައް އެ އަސާސެއްގެ މައްޗަށް ބިނާވާ އަސާސްކަމަށްވާއިރު، ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަން އޮތުމުގެ މި އަސާސް ލާޒިމްކުރަނީ ދައުލަތުގެ އެއްވެސް ބާރަކުން އިޚްތިޔާރާއި ބާރު ބޭނުންކުރުމުގައި އެއްވެސް މީހަކާމެދު އާރބިޓަރަރީއެއް (އަނިޔާއެއް) ނުވުންކަމާއި އާރބިޓްރަރީ ގޮތްތައް ނަފީނުވާ ކޮންމެ ނިންމުމެއް ނުވަތަ ފިޔަވަޅަކީ ރޫލް އޮފް ލޯއާ ޚިލާފު ނިންމުމެއް ނުވަތަ ފިޔަވަޅެއްކަމާއި ރޫލް އޮފް ލޯއާ ޚިލާފު ކޮންމެ ނިންމުމަކީ ނުވަތަ ފިޔަވަޅަކީ ބާޠިލު ނިންމުމެމެއް ނުވަތަ ފިޔަވަޅެއްކަން އެނގޭކަން.

8. ދިވެހި ދައުލަތަކީ ފުރިހަމަ މިނިވަންކަން ލިބިފައިވާ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ، އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަމަށް ޤާނޫނު އަސާސީގެ 2 ވަނަ މާއްދާގައި ބަޔާންވެފައިވުމާއި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމް ދީނުގެ އަޞްލަކާ ޚިލާފުނުވާނޭ ގޮތެއްގެމަތީން ކޮންމެ މީހަކަށް ލިބިގެންވާކަމާއި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރުމަށްފަހު އެ މާއްދާގެ (ށ) ގައި އިސްލާމް ދީނުގެ އަޞްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމައްޓަކައި ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުގެމަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަކަށް އެ މާއްދާގެ (ހ) ހުރަހެއްނާޅާކަމަށް އޮންނަ އޮތުމަށާއި ކޮންމެ މީހަކަށްމެ ލިބޭ ޙައްޤުތަކާ ގުޅިގެން ކޮންމެ ރައްޔިތެއްގެ މައްޗަށް ވާޖިބުވާ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ދިވެހި ދައުލަތުގެ ދީން ކަމުގައިވާ އިސްލާމްދީން ޙިމާޔަތްކުރުމާއި ދީމިޤްރާޠީ އުޞޫލުތަކާއި ގޮތްތައް ކުރިއެރުވުމުގައި އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނޭ ގޮތެއްގެމަތިން މިމަސްއޫލިއްޔަތު އަދާކުރުމަށް އޮންނަ އޮތުމާއި ޤާނޫނުގައި ވަކިގޮތަކަށް ކަނޑައަޅައިފައިނުވާ ކަންކަން ނިންމުމުގައި އިސްލާމީ ޝަރީޢަތުގައި އެކަމެއް ކަނޑައެޅިފައިވާގޮތަށް ފަނޑިޔާރުން ރިޢާޔަތްކުރަންވާނެކަމަށް ޤާނޫނުއަސާސީގެ 142 ވަނަ މާއްދާގައި އޮތް އޮތުމުގެ މައްޗަށް ބަލާއިރު، ފުރިހަމަ މިނިވަންކަންކަމާއި ސިޔާދަތު ލިބިގެންވާ އިސްލާމީ އުޞޫލުތަކުގެ މައްޗަށް ބިނާކުރެވިފައިވާ އަމިއްލަ ވެރިކަންކުރާ، ދީމިޤްރާޠީ، ޖުމްހޫރީ އަދި ޔުނިޓަރީ ދައުލަތެއްކަމުގައިވުމާއި އިސްލާމީ ޝަރީޢަތުގެ މައްޗަށް ބިނާކުރެވިފައިވާ ޤާނޫނީ އަދި ޝަރުޢީ ނިޒާމެއް އޮތުމާއި ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައިވާ އަސާސީ ޙައްޤުތަކާއި މިނިވަންކަންތަކައް ރައްކާތެރިވުމަކީ ޤާނޫނުއަސާސީގެ އަސާސީ ފީޗަރތަކެއްކަމާއި އަދި މި އަސާސީ ފީޗަރތަކަކީ ދިވެހި ދައުލަތް އެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ، ދިވެހި ދައުލަތުގެ އެންމެ މަތީ މަބާދީތަކުގެ ތެރޭގައި ހިމެނޭ ކަންތައްކަމާއި މިއިން އެއްވެސް އަސާސެއް މުގުރާލެވިއްޖެނަމަ މުޅި ދައުލަތުގެ ވުޖޫދަށް ބުރޫއަރާނޭ އަދި ދުސްތޫރީ ހުސްކަމަކަށް ދައުލަތް އަތުވާދޭނޭ އެންމެ މަތީ މަބްދައުތައްކަމުގައި ހިމެނޭ ކަންތައްތަކެއްކަން އެނގޭކަން.

9. ދުސްތޫރީ މައްސަލަތައް ބަލައި އެފަދަ މައްސަލަތަކާމެދު ގޮތެއް ކަނޑައެޅުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަސްލީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއްކަމާއި ޤާނޫނު އަސާސީއާ ޤާނޫނު މާނަކުރުމުގައްޔާއި ޝަރީޢަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުންކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވާތީއާ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ އެންމެ މުހިންމު އެއް ސިފައެއްގެ ގޮތުގައި ދައުލަތުގެ ވެރިކަމުގެ ތިން ބާރު ވަކިވެފައިވުމުގެ މަބްދައު ހިމެނިފައިވާކަމާއި، މިނިވަން މުސްތަޤިއްލު ޖުޑީޝަރީއަކީ ޤާނޫނުއަސާސީއާ ޤާނޫނުގެ ސިޔާދަތާއި، ރޫލް އޮފް ލޯ ނެގެހެއްޓުމާއި އެންމެހައި ރައްޔިތުންގެ ޙައްޤުގައި ރައްޔިތުންނަށް ޤާނޫނީ ޙިމާޔަތް ލިބިދިނުމަށާއި، ޑިމޮކްރަސީ ދެމެހެއްޓުމުގެ މައިގަނޑު އަސާސްކަމުގައިވާތީ ދައުލަތުގެ އެންމެހައި ނިންމުންތައް ހުންނަނީ ޤާނޫނުގެ ސިޔާދަތާއި ޤާނޫނުއަސާސީ ކަނޑައަޅާގޮތާއި އެއްގޮތަށްކަން ނުވަތަ ނޫންކަން ކަށަވަރުކުރުމަކީ ޖުޑީޝަރީގެ ޢާންމު އިޚްތިޞާޞްގައި ހިމެނޭކަމެއްކަމާއި، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ އިސްފަރާތަކީ ސުޕްރީމް ކޯޓު ކަމަށްވުމާއި ޤާނޫނުއަސާސީއާ ޤާނޫނު މާނާކުރުމުގެ އެންމެ އިސްފަރާތަކީ ވެސް ސުޕްރީމް ކޯޓު ކަމަށްވުމާއި ދައުލަތުގެ އެހެނިހެން ބާރުތަކުން ޢަމަލުކުރަނީ ޤާނޫނީ އަދި ދުސްތޫރީ އިމުގެ ތެރޭގައިކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޞާޞް ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭކަމާއި، ސުޕްރީމް ކޯޓަކީ ރާއްޖޭގެ އެންމެ އިސް ކޯޓަށް ވީތީ އެ ކޯޓުގެ ޒާތުގައި އެ ކޯޓަށް ދުސްތޫރީ މައްސަލަ ބެލުމުގެ ވިރާޘީ އިޚްތިޞާޞް ލިބިގެންވާކަމާއި މިގޮތުން ސުޕްރީމް ކޯޓަށް ލިބިދޭ އިޚްތިޞާޞްގެ ދަށުން ޤައުމު ޤާނޫނީ ހުސްކަމަކަށްދިއުން ނުވަތަ ދުސްތޫރީ ނިޒާމުން ދައުލަތް ބޭރުވުންފަދަ ޤާނޫނީ އިމުން ބޭރުންކަމެއް ހިނގާނަމަ، އެކަމެއް ހުއްޓުވުމަށްޓަކައި ސުޕްރީމް ކޯޓުގެ އިޚްތިޞާޞްގެ ދަށުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ބާރު ލިބިގެންވާކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 02/SC-C/2009 ޤަޟިއްޔާގައި ކަނޑައަޅާފައިވުމާއި، މި އުޞޫލު އެނޫން ދުސްތުރީ ޤަޟިއްޔާތަކުގައިވެސް ކަށަވަރުކޮށްދީފައިވާކަން.

10. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޖުޑީޝަލް ރިވިއުކޮށް ޤާނޫނުގައި ނުވަތަ ޤާނޫނުއަސާސީގައި ކަމެއް އޮތްގޮތް ކަނޑައަޅައި ބަޔާންކޮށްފައިވާ ނިންމުމަކާ ޚިލާފަށް ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއްވިޔަސް ނުވަތަ ދައުލަތުގެ އެއްވެސް ފަރާތެއްގެ އެއްވެސް ބާވަތެއްގެ ނިންމުމެއް ނުވަތަ ނިންމުމެއްގެ ބައެއް ނުވަތަ އިޖުރާއާތެއް ނުވަތަ އިޖުރާއާތަކުން ބައެއް ހުރެއްޖެނަމަ އެ ޚިލާފުވީ މިންވަރަކީ ރެސްޖުޑިކާޓާ (ކަނޑައެޅުނު ޙުކުމުގެ ޤާނޫނީ ބާރު ދެމިއޮތުމުގެ އުޞޫލު) އާ ޚިލާފު އަދި ދުސްތޫރީ ގޮތުން ބާޠިލު އެއްޗެއްކަން އެނގެން އޮންނަކަމާއި ސުޕްރީމް ކޯޓުން ނިންމާ ނިންމުންތަކުގައި ކަނޑައަޅައި ބަޔާންކުރާ އަދި ތަޠްބީޤުކުރާ ޤާނޫނުގެ ރޫލްތަކާއި ޤާނޫނީ މަބާދީތަކަކީ އެއަށް ތަބާވާންޖެހޭ ރޫލްތަކާއި މަބާދީތަކެއްކަމާއި ކޮންމެ ޤަޟިއްޔާއެއްގައިވެސް އެ ޤަޟިއްޔާގެ ޙުކުމާއި އެ ޙުކުމް ބިނާކުރާ ސަބަބުތަކާއި ވަކި ނުކުރެވޭނެކަމާއި މި އުޞޫލު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2011/SC-RU/02 ރޫލިންގައި ސާފުކޮށް ބަޔާންކޮށްފައިވާކަން.

11. ދުސްތޫރީ މައްސަލައެއް ބެލުމުގައި، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ނުވަތަ ޤަވާޢިދެއް ނުވަތަ ޤަވާޢިދެއްގެ ބައެއް އަދި ކިއެއްތަ ދައުލަތުގެ އިދާރާއަކުން ނެރޭ އަމުރެއް ނުވަތަ އެއިން އިދާރާއެއްގެ މުވައްޒަފަކު ކުރާކަމެއް ނުވަތަ ނިންމާ ނިންމުމެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފުވާނަމަ އެ ޚިލާފުވާ މިންވަރު އެއީ ބާޠިލު އެއްޗެއް ނުވަތަ ބާޠިލުކަމެއްކަމުގައި ކަނޑައެޅުމުގެ ބާރު ކަމާބެހޭ ކޯޓުތަކަށް ލިބިގެންވާކަމަށް ޤާނޫނުއަސާސީގެ 144 ވަނަ މާއްދާގައި ކަނޑައަޅައި ބަޔާންކޮށްފައިވުމުން މީގެ ތެރޭގައި ދައުލަތުގެ ބާރުތަކުންނާއި ދައުލަތުގެ އެންމެހައި ރަސްމީ ފަރާތްތަކުން ނިންމާ ނިންމުންތަކާއި ޤަރާރުތަކާއި އިޖްރާއާތު އެއްވެސް އިސްތިސްނާއެއްނެތި ހިމެނިފައިވާކަން ސާފުކޮށް އެނގެން އޮންނަކަމާއި މިފަދަ ނިންމުމަކާ ގުޅިގެން ޢަދުލުވެރި އެހެނިހެން އަމުރުތައް ނެރުމުގެ ބާރު ކަމާބެހޭ ކޯޓުތަކަށް ލިބިގެންވާކަމަށް މި މާއްދާގެ (ހ) ގައި ބަޔާންވެފައިވުމާއި ޤާނޫނުއަސާސީއާ ތަޢާރުޟުވާ ޤާނޫނެއް ނުވަތަ ޤަވާޢިދެއްގެ ސަބަބުން ނުވަތަ ޤާނޫނުއަސާސީއާ ޚިލާފަށް ކޮށްފައިވާކަމެއް ނުވަތަ އިޖްރާއާތެއްގެ ސަބަބުންވިޔަސް މީހަކަށް ނުވަތަ ބަޔަކަށް ގެއްލުމެއް ލިބިފައިވާނަމަ އެ ގެއްލުމުގެ ޢަދުލުވެރި އިންސާފުވެރި ބަދަލު ލިބިދިނުމަށްޓަކައި އަމުރުތައް ނެރުމަކީ ދުސްތޫރީ މައްސަލައެއް ބެލުމުގައި ކޯޓުތަކަށް ލިބިގެންވާ ބާރެއްކަން ޤާނޫނު އަސާސީގެ 144 ވަނަ މާއްދާއިން ކަށަވަރުވެ އެނގެން އޮންނަކަމާއި މި އުޞޫލުން އެހެނިހެން ދީމިޤްރާޠީ ދައުލަތްތަކުގެ ކޯޓުތަކުން އަސާސީ ހައްޤުތައް ތަންފީޒްކުރުމަށް ނެރޭ ހޭބިއަސް ކޯރޕަސް، މެންޑާމަސް، ސަރޝިއަރަރީ، ރިޓް އޮފް ޕްރޮހިބިޝަން، ކުއޯ ވޮރަންޓޯ ޠަބީއަތުގެ އަމުރުތައް ޤާނުނުއަސާސީގެ ބުނެވިދިޔަ މާއްދާގެ (ށ) އާއި ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ދުސްތޫރީ ކޯޓުތަކުން މިފަދަ އަމުރު ނެރޭ އުޞޫލަށް ރިޢާޔަތްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެމުން އަންނަކަމާއި މިފަދަ އަމުރުތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާ އާއި 20/SC-A/2010 ޤަޟިއްޔާއިން ނެރެފައިވާ ހޭބިއަސް ކޯރޕަސް އަމުރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 01/SC-SJ/2012 އަމުރު ހިމެނިފައިވާކަން އެނގޭކަމެވެ.

ބަޔާންވެ ދިޔަ ސަބަބުތައް އެގޮތަށް ހުރުމުން މި ދަޢުވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޞްލީ އިޚްތިޞާޞްގެ ދަށުން ބަލައި ނިންމުމަށް ނިންމާފައިވާ ނިންމުން ޗެލެންޖްވެ އެ ނިންމުމާމެދު ޤާނޫނީ ޖަދަލެއް ނުވަތަ ދެބަސްވުމެއް އުފައްދާނެ އެއްވެސް ސަބަބެއް ނެތްކަން އެނގެން އޮންނާތީ އެ އިޢުތިރާޟަކީ ބަލައިގަނެވެންއޮތް އިޢުތިރާޟެއް ނޫންކަމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައެޅުނެވެ.

(ބ) ފަސްވަނަކަމަކީ، ޤާނޫނު އަސާސީގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި މިނިވަންކަމުގެ ތެރޭގައި ކުށެއްގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ގެރެންޓީތައް ހިމެނޭކަމާއި އޭގެތެރޭގައި ކޯޓު ޙުކުމަކުން ކުށް ސާބިތުނުވާހައި ހިނދަކު ބަރީއަ މީހެއްކަމުގައި ބެލެވުމާއި ތިމާގެ ނަފްސު ދިފާޢުކުރުމުގެ ފުރިހަމަ ގެރެންޓީ ހިމެނިފައިވާކަމާއި މި ޙައްޤަކީ ޔުނިވަރސަލް ޑެކްލަރޭޝަން އޮފް ހިޔުމަން ރައިޓްސްއާއ މަދަނީ އަދި ސިޔާސީ ޙައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާގައި ކަށަވަރުކޮށް ދީފައިވާ ޙައްޤެއްކަމާއި އިންޞާފުވެރި ޝަރީޢަތެއްގެ ޢަޞްލު ރުކުނަކީ ދިފާޢުވުމުގެ ޙައްޤުކަމާއި މި ޙައްޤު ގުޅިފައިވާނީ ދުސްތޫރީ އެތައް ޙައްޤުތަކަކާ ކަމާއި އޭގެތެރޭގައި ޖިނާއީ ޝަރީޢަތަކުން ކުށް ސާބިތުނުވާހައި ހިނދަކު، "އަލްބަރާތުލް އަޞްލިއްޔާ" ގެ މަބްދައު ނަފީނުވެ ދެމިއޮތުމުގެ ޙައްޤާއި މުއްތަހަމުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ ކުށުގެ ޝަރީޢަތްކުރެވުމުގެ ޙައްޤާއި ތުހުމަތުކުރެވުމާއި ދިފާޢުވުމާ ދެމެދުގައި ހަމަހަމަކަން (ތަވާޒުން) އޮތުމުގެ މަބްދަޢަކީ ޙައްޤުތަކާއި މިނިވަންކަންތަކާއި ދައުލަތުގެ ޢާންމު މަޞްލަޙަތާ ދެމެދުގައި ހަމަހަމަ ބެލަންސް ޤާއިމްވެފައި އޮތުމަށްޓަކައި ލާޒިމްވެގެންވާ ޙައްޤެއްކަން އެނގެން އޮންނަކަމެވެ.

(ޅ) ހަވަނަކަމަކީ، ޖިނާއީ ޢަދުލުގެ ނިޒާމް ތެރޭގައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަންތަކަށް އޮންނަ ގެރެންޓީތަކާއި، ކުށުގެ ޢަމަލުތަކަކީ ކޮބައިކަން ކަނޑައެޅުމާއި، އެ ޢަމަލުތައް ކުރާ ފަރާތްތަކަށް އަދަބުދީގެން ދައުލަތުގެ ނިޒާމް ޢާންމާއި މުޖްތަމަޢު ޙިމާޔަތްކުރުމާއި ޖިނާއީ އިޖްރާއާތުގެ ޒަރީޢާއިން ދައުލަތް ނުވަތަ ޖަމާޢަތުގެ މި ޙައްޤު ލިބިގަތުމުގެ ބާރު ދައުލަތަށް ލިބިފައި އޮންނަ އުޞޫލަށް ރިޢާޔަތްކުރާއިރު، ކުށުގެ ޢަމަލުތައް ކަނޑައެޅުމާއި އެޢަމަލުތަކަށް އަދަބު ދިނުމުގައި ފަރުދުންގެ ފަރުދީ ހައްޤުތަކަށް އޮތް އެންމެ ބޮޑު ގެރެންޓީއަކީ ޢުޤޫބާތުގެ ޤާނޫނާއި ޖިނާއީ އިޖުރާއާތުގެ މަބާދީތަކާ އެއްގޮތްވާ ގޮތުގެމަތިން އަދި ޖިނާއީ ނިޒާމުގެ ތެރެއިން އެ ފަރްދުންނާ މެދު ޢަމަލުކުރެވުންކަމާއި ދައުލަތުގެ ޢާންމު މަޞްލަޙަތު ޙިމާޔަތްކުރެވެނީ ޢުޤޫބާތުގެ ޤާނޫނާއި ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ ނިޒާމުގެ ތެރޭގައިކަމަށްވާއިރު، ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަންތަކަކީ ސީދާ ދުސްތޫރުން ކަށަވަރުކޮށްދޭ ގެރެންޓީތަކެއްކަން އެނގެން އޮންނަ އޮތުމެވެ.

(ކ) ހަތްވަނަކަމަކީ، ޖިނާއީތުހުމަތެއް ކުރެވިފައިވާ މީހާއަށް ދުސްތޫރުގައި ގެރެންޓީކޮށްދޭ ދިފާޢީ ޙައްޤުތަކުގެ ތެރޭގައި އަންނަނިވި ޙައްޤުތައް ހިމެނިގެންވާކަން އެނގެން އޮންނަ އޮތުމެވެ:

(1) ކުރެވިފައިވާ ތުހުމަތުގެ މަޢުލޫމާތު ފުރިހަމައަށް ލިބުމުގެ ޙައްޤު (2) މިނިވަންކަމާއެކު ބަޔާން ދިނުމުގެ ޙައްޤު (3) ޖިނާއީ ޚުޞޫމަތެއްގައި ޙަޤީޤަތް ދެނެގަތުމަށް މަސައްކަތްކުރެވޭ ހިނދު، މުއްތަހަމާ ދެކޮޅަށް ހުރި ހެކިތައް އެފަރާތަށް ކުރިމަތިކޮށް ދިފާއު ހުށަހެޅުމުގެ ފުރުޞަތު އެފަރާތަށް ދިނުމުގެ އުޞޫލަށް ޢަމަލުކުރެވުން (4) ޤާނޫނީ ވަކީލެއްގެ އެހީގައި ދިފާޢުވުމުގެ ޙައްޤު.

(އ) އަށްވަނަކަމަކީ، ކުށެއްގެ ތުހުމަތުކުރެވިފައިވާ ކޮންމެ މުއްތަހަމެއްގެ މައްޗަށް ޢަދުލުވެރި ޖިނާއީ ޝަރީޢަތެއް ހިންގައި ކޯޓަކުން ޝަރުޢީ ހަމަތަކުގެ މަތިން އެ މީހާގެ މައްޗަށް ކުށް ސާބިތުނުވާހައި ހިނދަކު އެމީހަކީ ބަރީއަ މީހަކުކަމުގައި ބަލައިގެން ޖިނާއީ ތަޙްޤީޤު އަދި ޝަރީޢަތް ހިންގުމާއި އަދި ދައުލަތުގެ އެއްވެސް ކަމަކާ ޙަވާލުވެހުރި ފަރާތެއް ނުވަތަ އެހެން ފަރާތެއް ނުވަތަ އެއްވެސް ފަރުދަކުވިޔަސް ކޯޓުން ޙުކުމެއް އައުމުގެ ކުރީގައި ތުހުމަތުކުރެވިފައިވާ މީހާގެ މައްޗަށް ކުށް ސާބިތުވާކަމަށް ބަޔާންދީ ހަދައިގެން ނުވާނެކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2010/SC-A/20 ޤަޟިއްޔާ އާއި 2010/SC-A/20 ޤަޟިއްޔާގައި ކަނޑައަޅައި ބަޔާންކޮށްފައިވާކަމާއި ޤާނޫނުއަސާސީގެ 33 ވަނަ މާއްދާގައި އެ މީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމަކީ ކޮންމެ މީހަކަށް ލިބިގެންވާ އަސާސީ ޙައްޤެއްކަމަށް ބަޔާންވެފައިވުމާއި، އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ ޢަޞްލުތަކުގެ މައްޗަށް ބިނާވެފައިވާ އިސްލާމީ ޝަރީޢަތް ޙިމާޔަތްކުރާ މައިގަނޑު މަޤާޞިދުގެ ތެރެއިން އެއް މަޤްޞަދުކަން އެނގޭކަމާއި، އެގޮތުން ކުށެއްގެ ތުހުމަތު ކުރެވިއްޖެނަމަ ޢަދުލުވެރި ޝަރީޢަތެއްކޮށް ޤާޟީގެ ޙުކުމުން އެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާހައި ހިނދަކު ބަރީއަ މީހެއްކަމުގައި ބަލަން ޖެހުމަކީ އިސްލާމީ ޝަރީޢަތުގެ އަސާސެއްކަން އެނގޭތީ ކުށެއްގެ ތުހުމަތުކުރެވިފައިވާ މީހެއްގެ މައްޗަށް ކުށް ސާބިތުވަންދެން ނުވަތަ ސާބިތުވާ ކުށެއްނެތްކަން ކަނޑައެޅެންދެން ކުރެވިފައިވާ ޖިނާއި ކުށުގެ ތުހުމަތާ ގުޅިގެން ހިންގާ އިޖުރާއާތު އެހެން ނިޒާމެއްގެ ތެރެއިން ހިންގުމަކީ މި އުޞޫލާ އެއްގޮތްވާކަމެއް ނޫންކަން އެނގެން އޮންނައޮތުމެވެ.

(ވ) ނުވަވަނަކަމަކީ، އިސްލާމީ ޝަރީޢަތާއި ޤާނޫނުއަސާސީއާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކާބެހޭ މުޢާހަދާތަކުން ފަރުދީ ޙައްޤުތަކަށާއި މުޖުތަމަޢުގެ ޢާންމު މަޞްލަހަތާއި މުޖުތަމަޢުގެ ޙައްޤުތައް ޔަޤީންކޮށްދޭ އެންމެ އަސާސީ އެއް ގެރެންޓީއަކީ ޖިނާއީ ނިޒާމުގެ ތެރޭގައި ކުށުގެ ތަޙްޤީޤުކުރުންކަމާއި މީގެ އެންމެ މުހިންމު އެއް ރުކުނަކީ ޤާނޫނުއަސާސީން ނުވަތަ ޤާނޫނަކުން ބާރުދީފައިވާ ޖިނާއީ ތަޙްޤީޤުކުރުމުގެ އޮތޯރިޓީއަކުން ކުށުގެ ތަޙްޤީޤުކުރުންކަމާއި، މިއީ ކުށުގެ މައްސަލައެއްގެ ތަޙްޤީޤު ލެޖިޓިމޭޓް (ދުސްތޫރީ އަދި ޤާނޫނީ ގޮތުން ޞައްޙަ) ތަޙްޤީޤަކަށްވުމުގެ އަސާސީ ޝަރުޠެއްކަމާއި މި އުޞޫލުން ކުށުގެ ތަޙްޤީޤު ހިންގާ އޮތޯރިޓީއަކީ އެކަމަށް ޤާނޫނަކުން ޚާއްޞަކުރެވިފައިވާ މުސްތަޤިއްލު އަދި ޤާބިލުކަން ހުރި އޮތޯރިޓީއަކަށްވާންވާނެކަމާއި އަދި އެ އޮތޯރިޓީއަކީ ތަޙްޤީޤުގެ އެންމެހައި އިޖްރާއާތުތައް ހިންގަނީ ރަނގަޅަށްކަމާ އަދި އެ އިޖްރާއާތު ހިންގެނީ މުއްތަހަމަށް ދިފާޢުވުމުގެ ޙައްޤު ލިބިދެވިގެންކަން ވަޒަންކުރުމުގެ އިޚްތިޔާރާއި ބާރު ލިބިގެންވާ އޮތޯރިޓީއަކަށް ވާންވާނެކަމާއި މި ގެރެންޓީގެ ނަތީޖާއެއްގެ ގޮތުން ތުހުމަތުކުރުމާއި ތަޙްޤީޤުކުރުން ދެ އޮތޯރިޓީއެއްގެ މެދުގައި ނުވަތަ މަރުޙަލާތަކަކަށް ބަހާލެވިފައި އޮތުމުގެ މަބްދައު ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރޭގައި ޤާއިމުވެފައިވާކަމާއި، އެގޮތުން ޤާނޫނުއަސާސީގެ 244 ވަނަ މާއްދާއަށް ބަލާއިރު، ކުށުގެ ތަޙުޤީޤުގެ ފުރަތަމަ މަރުޙަލާއަކީ ފުލުހުންގެ ތަޙުޤީޤު މަރުޙަލާކަމާއި، މި މަރުޙަލާގައި ހެކިތައް ހޯދައި ޖަމާކުރުމާއި އެ ހެކިތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމާއި، ކުށުގެ ދަޢުވާއެއް ކުރެވެން އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުމާއި މައްސަލަތައް ޝަރީޢަތަށް ހުށަހެޅުމަށް އެ މުއައްސަސާގެ ފަރާތުން ބޭނުންވާ ތައްޔާރީތައްކުރުންފަދަ އިޖްރާއާތު ހިމެނޭ ކަމާއި، ޖިނާއީ އިޖްރާއާތުގެ ދެ ވަނަ މަރުޙަލާއަކީ ޖިނާއީ ކުށުގެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލް ބަލާ މަރުޙަލާކަމާއި ހެކިތައް އެއްކޮށް އެއީ ޤާނޫނީ ހަމަތަކުގެ މަތިން ހޯދިފައިވާ ޞައްޙަ ހެކިތައްކަން ކަށަވަރުކުރުމާއި ދަޢުވާ ހުށަހެޅޭވަރަށް ހެކިތައް ހުރިކަން ކަނޑައަޅައި ޖިނާއީ އިޖްރާއާތުގެ ތިންވަނަ މަރުޙަލާކަމުގައިވާ ޖިނާއީ ޝަރީއަތް ކޯޓުގައި ހިންގުމުގެ މަރުޙަލާގައި ދައުލަތް ނުވަތަ ޖަމާޢަތުގެ ނަމުގައި ޖިނާއީ ދަޢުވާކޮށް ދަޢުވާ ސާބިތުކުރުމުގެ މަސްއޫލިއްޔަތުގެ އިތުރަށް ޤާނޫނުއަސާސީގެ 220 ވަނަ މާއްދާގެ (ހ) އާއި ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއަށް ބަލާއިރު، ޖިނާއީ ޢަދުލުގެ ނިޒާމުގައި ދައުލަތުގެ ޙައްޤުތަކާއި ފަރުދުންގެ އަސާސީ ޙައްޤުތައް ބެލެންސްކޮށް ޤާނޫނުއަސާސީގެ އެންމެހައި ހަމަތަކާއި ޤާނޫނުގެ ޙުކުމް ނެގެހެއްޓުމުގައި ވަކި ފަރާތަކަށް ބުރަނުވާ މުސްތަޤިއްލު ޕްރޮސެކިއުޓަރ ޖެނެރަލްގެ ބެލެހެއްޓުމުގެ ދަށުން ޖިނާއީ ދަޢުވާގެ އިޖުރާއާތު ދިޔުމަކީ ޤާނޫނުއަސާސީން ޔަޤީންކޮށްދޭ މުޙިންމު އެއް ގެރެންޓީކަން އެނގެން އޮންނަކަމެވެ.

(މ) ދިހަވަނަކަމަކީ، ކޮންމެ ފަރުދަކަށްވެސް އެ ފަރުދަކާ ދެކޮޅަށް ކުރެވިފައިވާ ކުށުގެ ތުހުމަތާ ގުޅިގެން އެކަށީގެންވާ އަވަސް މިނެއްގައި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން ޝަރީޢަތްކުރެވުމަކީ އެ ފަރުދަކަށް ލިބިފައިވާ ޙައްޤެއްކަން ޤާނޫނުއަސާސީންނާއި، އިންސާނީ ޙައްޤުތަކާއިބެހޭ ބައިނަލްއަޤްވާމީ މުޢާހަދާތަކުން ސާފުކޮށް އެނގެން އޮތުމާއި، އެއްވެސް ޖިނާއީ ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ޝަރުޢީ ކޯޓަކުން ޤާޟީއަކު ކުރާ ޙުކުމެއްގެ މައްޗަށް މެނުވީ އެ ކުށަކަށް އަދަބެއް ނުދެވޭނެކަން އަދި ކުށެއް ސާބިތުނުވިނަމަ އަބުރާ ޢިއްޒަތާއެކު މުއްތަހަމު ކުށުން ބަރީއަވެގެންވާކަން ކަނޑައެޅުމުގެ ޙައްޤަކީ ދުސްތޫރީ ގޮތުން ޔަޤީންކޮށްދީފައިވާ ޙައްޤެއްކަން އެނގެން އޮންނަކަމެވެ.

(ފ) އެގާރަވަނަކަމަކީ، ޖިނާއީ ޢަދުލުގެ ނިޒާމު ބިނާވެފައިވަނީ ޢާންމު މަޞްލަޙަތާއި ފަރުދީ ޙައްޤުތަކާއި މިނިވަންކަންތަކާއި ވަޒަން ހަމަހަމަކޮށް ބެހެއްޓުމުގެ (ބެލެންސް ކުރުމުގެ) މައްޗަށް ކަމަށްވާއިރު، ޢާންމު މަޞްލަހަތު ކަނޑައެޅިފައިވަނީ ޙަޤީޤަތް ހޯދައި ހާމަކުރުމާއި އަދަބު ދިނުމުގެ ޙައްޤު ދައުލަތަށް ލިބިގެންވުމުގެ މައްޗަށްކަމާއި އަދި މިކަންތައް ހުއްޓިފައިވަނީ ކުށުގެ ޢަމަލެއް ހިނގައިފިކަމާއި އެ ޢަމަލު މުއްތަހަމަށް (ތުހުމަތުކުރެވޭ މީހާއަށް) ނިސްބަތްވުމުގެ މައްޗަށްކަމާއި، ފަރުދީ ޙައްޤުތަކާއި މިނިވަންކަންތައް ޙިމާޔަތްކޮށް އިންސާނީ ކަރާމަތަށް ރައްކާތެރިވުމުގެ މަޞްލަޙަތު ކަނޑައެޅިފައިވަނީ މުއްތަހަމުގެ ޙައްޤުތަކާއި މިނިވަންކަންތަކަށް ޔަޤީންކަން ލިބުންކަމާ އެގޮތުން މި ދެ މަޞްލަޙަތު ތަވާޒުންކުރެވޭނެގޮތަކީ މި ތަވާޒުނަށް ރައްކާތެރިވެވޭނޭ އިޖުރާއާތުތަކުގެ މައްޗަށް ޝާމިލުވާ ޤާނޫނީ ނިޒާމެއްގެ ތެރެއިން ތަޙުޤީޤުކޮށް ޢަދުލުވެރި ޝަރީޢަތެއްކުރެވުންކަން އެނގޭކަމާއި ކުށެއްގެ ތުޙުމަތުކުރެވިފައިވާ މީހަކަށް ނިސްބަތްކުރެވޭ ކުށުގެ ޢަމަލު ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން ބަލައި ތަޙްޤީޤުކުރުމާއި ކުށުގެ އެ ޢަމަލު އެހެން ނިޒާމެއްގެ ތެރެއިން އަދި އެހެން އިޖުރާއާތުތަކެއްގެ ތެރެއިން ހޯދައި ހާމަކުރުމާއި ޖިނާއީ ކުށް ސާބިތުކުރާ އުޞޫލުތަކާއި މިންގަޑުތައްނޫން އެހެން މިންގަޑަކުން ސާބިތުކުރުމަކީ ބުނެވިދިޔަ އުޞޫލުގެ މަތިން އަދި ޤާނޫނުއަސާސީގެ 42 ވަނަ މާއްދާގައިވާގޮތަށް ޢާންމުކޮށް ހުޅުވާލެވިގެން ބާއްވާ އަޑުއެހުމެއްގައި އިންސާފުން ޝަރީއަތްކުރެވުމުގެ ޙައްޤާއި ޤާނޫނުއަސާސީގެ 50 ވަނަ މާއްދާ އާއި 51 ވަނަ މާއްދާގައިވާ ގޮތުގެމަތިން ހެކިންނާއި އެއް ހާޟިރުގައިހުރެ ހެކިންނާ ކުރިމަތިލައި ދިފާޢު ހުށަހެޅުމާއި މުއްތަހަމު ބޭނުންވާ ހެކިން ހާޟިރުކުރުމުގެ ހައްޤާއި ތިމާއާ ދެކޮޅަށް ހެކިދޭން މަޖްބޫރުނުކުރެވުމާއި ދިފާޢުކޮށްދޭނޭ ވަކީލަކުގެ އެހީތެރިކަން ހޯދުމުގެ ޙައްޤުތައްފަދަ އިންސާފުވެރި ޝަރީޢަތެއްގެ ގެރެންޓީތަކާ ޚިލާފުވާނެ ކަންތައްތަކެއްކަން އެނގެން އޮންނަކަމެވެ.

(ދ) ބާރަވަނަކަމަކީ، ޑަބަލް ޖެޕަރޑީގެ މާނައަކީ ޤާނޫނީ އެއް ނިޒާމަކާ ޚިލާފުވެގެން އެ ނިޒާމުގެ ތެރެއިން ދެ ފަހަރަށް އެއް ޢަމަލަށް އަދަބު ނުދިނުމުގެ ގެރެންޓީ ކަމަށްވާއިރު، މީހަކު ކުރީ ޖިނާއީ ނިޒާމާ ޚިލާފު ޢަމަލަކަށް ވުމުގެ އިތުރަށް އެ ޢަމަލަކީ މަދަނީ ނިޒާމަކާ ނުވަތަ ތައުދީބީ ނިޒާމަކާ ޚިލާފަށް ކޮށްފައިވާ ޢަމަލެއް ކަމުގައިވާނަމަ މިއިން ކޮންމެ ނިޒާމަކީ އެނިޒާމަކަށް ކަނޑައެޅިފައިވާ އަދަބުތަކެއް ހުންނަކަން ޤާނޫނީގޮތުން އެނގިފައިވާ ނިޒާމުތަކެއްކަމާއި، ނަމަވެސް ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރުމުގެ މަބާދީގެ ދަށުން އަބަދުވެސް ރިޢާޔަތްކުރަންޖެހެނީ މުތަހަމުގެ މައްޗަށް އެއްވެސް ބާވަތެއްގެ އަދަބަކަށް ވާނޭ ފިޔަވަޅެއް ޖިނާއީ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން ނަމަވެސް ދެވިއްޖެނަމަ އެ މުއްތަހަމުގެ މައްޗަށް ހަމަ އެ ޢަމަލާ ގުޅިގެން ޝަރީޢަތްކުރުމާއި އަދަބުދިނުން ހުއްދަ ނުވުންކަން އެނގޭކަމާއި މި އުޞޫލަށް ފްރާންސްގެ ކެސޭޝަން ކޯޓުގެ ޤަޟިއްޔާ ނަންބަރު 1996Juin20.Crim.Cass އާއި މިޞްރުގެ ކޮންސްޓިޓިޔުޝަނަލް ސުޕްރީމް ކޯޓުގެ ނަންބަރު 3 ޖޫން 2000/އަލްޤަޟިއްޔާ ނަންބަރު 21 އާއި ބައިނަލްއަޤްވާމީ ކޮންސްޓިޓުޝަނަލް ޖަސްޓިސްގެ އަހަރީ ފޮތް 1999 ގެ ޞަފްޙާ 320 ގައި ޙަވާލާދީ ބަޔާންކޮށްފައިވާ ސްޕޭންގެ ކޮންސްޓިޓިޔުޝަނަލް ސުޕްރީމް ކޯޓުގެ ޤަޟިއްޔާ p.3201999.Annuaire International de la justice constitutionnelle ގައި މި އުޞޫލަށް ރިޢާޔަތްކޮށް އިދާރީ ނުވަތަ ތަޢުދީބީ އެހެން ނިޒާމެއްގެ ތެރެއިން އަދަބު ދިނުމުން ދެން ޖިނާއީ ޝަރީޢަތް އަލުން ކުރުމަށް ހުރަސްއެޅޭކަމަށް ނިންމާފައިވާކަން އެނގެން އޮވެއެވެ.

(ތ) ތޭރަވަނަކަމަކީ، ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގައި ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރަކު ވަކިކުރުމާ ބެހޭގޮތުން ހުރި ނައްޞުތަކަށް ރިޢާޔަތްކުރާއިރު، އެ މާއްދާގެ (ހ) ގައި މެންބަރަކު ވަކި ކުރެވޭނެ ޙާލަތްތައް ސާފުކޮށް ބަޔާންވެފައި އޮންނަކަން ފާހަގަކުރެވޭކަމާއި އެ ޙާލަތްތަކަކީ:

ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމާ އެކަށީގެން ނުވާފަދަ ޢަމަލުތަކެއް ކުރިކަމަށް ފެނުން

އެ މަޤާމު އަދާކުރުމަށް ޢުޛުރުވެރިވާފަދަ ޙާލަތެއް މެދުވެރިވެއްޖެކަމަށް ފެނުން

އެ މަޤާމު އަދާކުރުމުގެ ޤާބިލުކަން ނެތްކަމަށް ފެނުން

އަދި މި މާއްދާގެ (ށ) ގައި މި މާއްދާގެ (ހ) ގައި ބުނެފައި އެވާ ޙާލަތެއް މެދުވެރިވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނުމަކީ އެކަމުގެ އިޖުރާއަތުގެ ގޮތުގައި ބަޔާންވެފައި އޮންނަކަމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން މެންބަރުކަމުން ވަކިވީކަމަށް ބަޔާންވެފައި އޮންނަ އޮތުމެވެ.

(ލ) ސާދަވަނަކަމަކީ، ޤާނޫނުއަސާސީގައި މުސްތަޤިއްލު މަޤާމުތަކާއި ކޮމިޝަންތަކުގެ މެންބަރުކަމުގެ މަޤާމުތަކާ ގުޅިގެން ހުރި ދުސްތޫރީ އިޖުރާއާތުތަކަކީ އެ މުއައްސަސާތަކުގެ މުސްތަޤިއްލުކަން ކަށަވަރުކޮށްދެނިވި އިޖުރާއަތުތަކެއްކަމާއި، އެގޮތުން މަޤާމުތަކަށް ޢައްޔަންކުރުންފަދަ ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރަށް މަތިކުރެވޭ އިޖުރާއަތާއި މަޤާމަށް ތަރްޝީޙުކުރެވޭ ނަންތައް ފާސްކުރުމާއި މަސްއޫލިއްޔަތު އަދާކުރާ މިންވަރާ ގުޅިގެން ޖަވާބުދާރީކުރުމާއި ވަކިކުރުމުގެ އިޖުރާއާތުފަދަ ރައްޔިތުންގެ މަޖިލީހަށް މަތިކުރެވޭ އިޖުރާއާތާއި އުއްތަމަ ފަނޑިޔާރު ނުވަތަ އުއްތަމަ ފަނޑިޔާރު ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި ހުވާކުރުން ފަދަ ޤާނޫނީ އިޖުރާއާތުތަކަކީ އޭގެ ދުސްތޫރީ ޠަބީޢަތަށް ބަލާއިރު، ސެޕަރޭޝަން އޮފް ޕަވަރސްގެ ދުސްތޫރީ އުޞޫލުގެ ދަށުން ޗެކް އެންޑް ބެލަންސެސް އިޖުރާއާތުތަކެއްގެ ގޮތުގައި ދުސްތޫރުވެރިން ސިފަކުރާ އިޖުރާއާތުތަކެއްކަމާއި ދައުލަތުގެ މިފަދަ އެންމެހައި ޤާނޫނީ އިޖުރާއާތުގެ ވެލިޑިޓީ ނުވަތަ ދުސްތޫރީގޮތުން ޞައްޙަވުން ބިނާވަނީ އެ އިޖުރާއާތަކީ ދުސްތޫރީގޮތުން ލެޖިޓިމޭޓް (މަޝްރޫޢު) އަދި ކޮންސްޓިޓިއުޝަނަލް އަދި ރޫލް އޮފް ލޯ އާ އެއްގޮތްވާ އިޖުރާއަކަށްވުމުންކަން އެނގެން އޮންނައޮތުމެވެ.

(ގ) ފަނަރަވަނަކަމަކީ، ޤާނޫނުއަސާސީގެ 187 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އެވާ ޙާލަތްތަކުގައި އެ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކަށް ހާޟިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރުމުން އެ މެންބަރަކު މެންބަރުކަމުން ވަކިވީކަމަށް އޮތްއިރު، އޭގެ ކުރިއަށް އަންނަންޖެހޭ ޤާނޫނީ އިޖުރާޢާތަކީ އެމާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނުންކަމަށް ބަޔާންވެފައި އޮންނަ އޮތުމަށް ބަލާއިރު، މިފަދަ ކޮންމެ އިމްޕީޗްމެންޓް ޕްރޮސީޖާރއަކީ ފަރުދެއްގެ އަސާސީ އަދި ފަރުދީ ޙައްޤުތަކަކަށް ސީދާ އަސަރުކުރާނޭ އިޖުރާއާތަކަށްވާތީއާ ފަރުދުންގެ މިފަދަ ޙައްޤުތައް ޙިމާޔަތްކުރުމާއި އެ ޙައްޤުތަކަށް އިޙުތިރާމުކުރުމުގެ އެންމެ އަސާސީ ގެރެންޓީއަކީ ނުވަތަ ދައުލަތުގެ ޤާނޫނުތަކުގެ ބާރުތަކާއި ފަރުދުންގެ ޙައްޤުތައް ޙިމާޔަތްކުރުން ހަމަހަމަކޮށް ކިރޭ ތިލަފަތަކީ ޑިޔު ޕްރޮސެސްކަމާއި ދައުލަތުގެ އެއްވެސް ބާރަކުން ނުވަތަ ރަސްމީ އެއްވެސް ފަރާތަކުން ކުރާކަމަކުން ފަރުދެއްގެ ޙައްޤަކަށް ގެއްލުމެއް ނުވަތަ އަނިޔާއެއް (އާރބިޓްރަރީއެއް) ވުމަކީ ޑިޔު ޕްރޮސެސްއާ ޚިލާފުވުންކަމާއި އާރބިޓްރަރީ ނަފީނުވާ ކޮންމެ ނިންމުމެއް ނުވަތަ ކޮންމެ އިޖުރާއާތެއް ރޫލް އޮފް ލޯ އާ ޚިލާފުވާނެކަން އެނގެން އޮންނައޮތުމެވެ. އެގޮތުން ޑިޔު ޕްރޮސެސްގެ މާނައަކީ ދައުލަތުގެ މިފަދަ ކޮންމެ ނިންމުމެއް ނުވަތަ އިޖުރާއާތެއް ބަރާބަރަށް ޤާނޫނާ އެއްގޮތްވުމާ އެއްވެސް ފުށުއެރުންތަކެއް ނެތުމާއި ރައްޔިތުންގެ ޙައްޤުތަކަށް ދާއިމީ ރައްކާތެރިކަން ކަށަވަރުވެފައިއޮތުންކަން އެނގޭކަމާއި ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ ސުޕްރީމް ކޯޓުގެ ޙުކުމްތަކަށް ބަލާއިރު، ޑިޔު ޕްރޮސެސްގެ ދަށުން އަންނަނިވި ޙިމާޔަތްތައް ހިމެނިގެންވާކަން ޔޫ. އެސް. އޭ ގެ ސުޕްރީމް ކޯޓުތަކުގެ ނިންމުންތަކުން އެނގެން އޮވެއެވެ.

(1) ޖިނާއީ ނިޒާމުގެ ތެރޭގައި ހިމެނޭކަންތައް ޖިނާއީ އިޖުރާއާތާ އެއްގޮތްވާ ގޮތުގެމަތިން ހިންގަންވާނެކަން، މަދަނީ ޢަދުލުގެ ނިޒާމުގައި ހިމެނޭކަންތައް މަދަނީ އިޖުރާޢާތާ އެއްގޮތަށް ހިންގަންވާނެކަން (2) ސަބްސްޓޭންޝިވް ޑިޔު ޕްރޮސެސް / ޤާނޫނަކުން ކަނޑައެޅޭ އިޖުރާއާތުތަކެއްނެތި އެއްވެސްމީހަކު ޙައްޤަކުން މަޙުރޫމްކުރުން ކޯޓުތަކުން ލިމިޓްކުރުން (3) ސާފުކޮށް އޮޅުން ނުފިލާ ޤާނޫނުތައް މަނާކުރުން (4) ބިލް އޮފް ރައިޓްގައިވާ ޑިޔު ޕްރޮސެސްގެ އުޞޫލު އިންކޯރޕޮރޭޝަން ޑޮކްޓްރީންގެ ދަށުން ބިލް އޮފް ރައިޓްސްގައިވާ ޙައްޤުތައް ތަޠްބީޤުކުރުމުގެ ވެހިކަލެއް ކަމުގައި ބޭނުންކުރުން.

(ޏ) ސޯޅަވަނަކަމަކީ، އެހެނިހެން ދިމިޤުރާޠީ މުޖުތަމަޢުތަކެކޭ އެއްފަދައިން ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި ބަޔާންވެގެންވާ ހައްޤުތަކާއި ދުސްތޫރީ މަބާދީތަކާއި ޤާނޫނުގެ ވެރިކަން ގެރެންޓީކުރުމުގައި އެންމެ މުޙިންމު އަސާސަކީ ޑިޔު ޕޮރޮސެސްކަން ޤާނޫނުއަސާސީން ސާފުކޮށް އެނގެންއޮންނަކަމާއި، މި އަސާސް ކަށަވަރުކޮށްދޭ މާއްދާތަކުގެ ތެރޭގައި ޤާނޫނޫއަސާސީގެ 8 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާ އާއި 51 ވަނަ މާއްދާ އާއި 52 ވަނަ މާއްދާ އާއި 53 ވަނަ މާއްދާ އާއި 54 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާ އާއި 61 ވަނަ މާއްދާ އާއި 62 ވަނަ މާއްދާ އާއި 63 ވަނަ މާއްދާ އާއި 64 ވަނަ މާއްދާ އާއި 65 ވަނަ މާއްދާ އާއި 67 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އާއި 144 ވަނަ މާއްދާ އާއި 268 ވަނަ މާއްދާ އާއި 299 ވަނަ މާއްދާ ހިމެނިފައިވާކަމާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 19/SC-A/2010 ޤަޟިއްޔާ އާއި 20/SC-A/2010 ވަނަ ޤަޟިއްޔާގައި ޤާނޫނުއަސާސީގެ ދެވަނަ ބާބުގައި އަސާސީ ހައްޤުތަކާއި މިނިވަންކަންތައް ޔަޤީންކޮށްދީފައިވާ މާއްދާތަކުގައި ކަނޑައެޅިގެންވާ ޙައްޤަކުން ޑިޔު ޕްރޮސެސް (ޤާނޫނީ އިޖުރާއާތު) އާ ޚިލާފަށް މަހްރޫމްކުރެވިފައިވާތީ، އެ ޙައްޤާ ދެކޮޅަށް އެޅިފައިވާ ފިޔަވަޅުތަކާއި އިޖުރާއާތު ބާޠިލުކަމަށް ކަނޑައަޅައި ނެރެފައިވާ ދެ އަމުރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2012/SC-SJ/01 ކޯޓު އަމުރާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެހެނިހެން ނިންމުންތަކުން މި އުޞޫލު ކަށަވަރުކޮށްދެވިފައިވާކަން އެނގެން އޮންނަ އޮތުމެވެ.

(ސ) ސަތާރަވަނަކަމަކީ، ކީރިތި ޤުރްއާނުގެ ނަޙްލު ސޫރަތުގެ 90 ވަނަ އާޔަތުގައި ޢަދުލުވެރިވުމަށާއި، ނިސާއު ސޫރަތުގެ 58 ވަނަ އާޔަތުގައި މީސްތަކުންގެމެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ ޢަދުލުވެރިކަމާއެކު ޙުކުމްކުރުމަށާއި، އަންޢާމް ސޫރަތުގެ 152 ވަނަ އާޔަތުގައި ތިޔަބައިމީހުން ބަސްބުނާނަމަ ގާތްތިމާގެ މީހަކުކަމުގައިވިޔަސް ޢަދުލަށް (ތެދަށް) ބުނާށެވެ. އަދި މާއިދަތު ސޫރަތުގެ 8 ވަނަ އާޔަތުގައި ބަޔަކު މީހުން ތިޔަބައިމީހުންނާއޮތް ރުޅިވެރިކަން އެއީ ތިޔަބައިމީހުން ޢަދުލުވެރިނުވުމުގެ މައްޗަށް ބާރުއަޅާ ކަމެއްކަމުގައިނަހަދާށެވެ. ނިސާއު ސޫރަތުގެ 153 ވަނަ އާޔަތުގައި ތިޔަބައިމީހުން ޢަދުލު އިންސާފު ޤާއިމްކުރުމުގައި ދެމިތިބެ ﷲ އަށްޓަކައި ހެކިބަސް އަދާކުރާބަޔަކު ކަމުގައިވާށެވެ. ކީރިތި ޤުރްއާނުގެ މި އާޔަތްތައްފަދަ ޞަރީޙަ ނަޢްސުތަކުން އައިސްފައިވާ އިސްލާމް ދީނުގެ ޤަޠްޢީ ޙުކުމްތަކަށާއި ޤާނޫނުއަސާސީއާ އިންސާނީ ޙައްޤުތަށް ކަށަވަރުކޮށްދޭ މުޢާހަދާތަކުގެ ނައްޞުތަކަށާއި ރޫހަށް ބަލާއިރު ބުނެވިދިޔަ ފަދަ ނިންމުންތަކާއި ފިޔަވަޅުތައް ޤާނޫނަކުން ކަނޑައެޅިފައިވާ އިޖުރާއާތަކަށް ވުމަކުން ހަމައެކަނި ނުފުދޭނެކަމާއި ޤާނޫނަކުން ކަނޑައެޅިފައިވާ އިޖުރާއާތަކަށް ވުމުގެ އިތުރަށް، އެއިޖުރާއާތަކީ ޢަދުލުވެރި، އިންސާފުވެރި، (ޖަސްޓް އެންޑް ފެއަރ)، މަޤްބޫލު (ރީޒަނަބަލް) އިޖުރާއާތަކަށްވާންޖެހޭނެކަން ސާފުކޮށް އެނގޭކަމާ މި އުޞޫލު އިންޑިއާގެ ސުޕްރީމް ކޯޓުގެ ނަންބަރު 248 1 SCC (1978) މަނެކާ ގާންދީ ވަރސެސް ޔުނިއަން އޮފް އިންޑިއާގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާކަމާއި އެގޮތުން އެއްވެސް އިޖުރާޢާތަކުން އާރބިޓްރަރީ (ތަޢައްސުފް / އަނިޔާ) ވުމުގެ ސިފަ ނަފީނުވާހާ ހިނދަކު ރީޒަނަބަލް ނިންމުމަކަށް ނުވާނެކަމާއި، "ރީޒަނަބަލްނަސް" މި މަބްދައު ބިނާވެފައިވަނީ ޤާނޫނުގެ ކުރިމަތީގައި ހަމަހަމަކަންއޮތުމުގެ އަސާސީ ހައްޤުގެ މައްޗަށްކަން ސާފުކޮށް އެނގެން އޮންނަކަމެވެ.

(ޑ) އަށާރަވަނަކަމަކީ، ޖިނާއީ ކުށުގެ ތުހުމަތުގައި ޖިނާއީ ނިޒާމުގެ ތެރެއިން ބެލެވެމުންދާ މައްސަލައެއްގައި ހަމަ އެ ޖިނާއީ ޢަމަލު އެހެން މިންގަނޑަކުން ސާބިތުވާކަމަށް ކަނޑައަޅައި ޖިނާއީ އެ ޢަމަލުގެ މައްޗަށް ދެވޭ އަދަބަކަށްވާނޭގޮތަށް މަޤާމުން ވަކިކުރުމުގެ ފިޔަވަޅު ޖިނާއީ އިޖުރާއާތު ނިމުމުގެ ކުރީގައި އަޅައިފިނަމަ މުއްތަހަމާ ދެކޮޅަށް ހިނގަމުންދާ ޖިނާއީ އިޖުރާތުގެ ތެރޭގައި ހިމެނޭ ދުސްތޫރީ ގެރެންޓީތަކާއި ހެކިތަކަށް ރައްކާތެރިވުމާއި އެ ހެކިތައް ވަޒަންކުރުމާއި ދައުލަތުން ޖިނާއީ ތަޙްޤީޤުކުރުމާއި ޝަރީޢަތް ހިންގުމުގެ ގެރެންޓީތަކަކަށް ބުރޫއަރާނެކަމާއި ތަޢުދީބީ ނިޒާމެއް ނުވަތަ އެހެންވެސް ނިޒާމެއްގެ ތެރެއިން ހަމަ އެ ޢަމަލު އެ މުއްތަހަމުގެ މައްޗަށް ތަޙްޤީޤުކޮށް އެ ޢަމަލު ހިންގާފައިވާކަމަށް ކަނޑައެޅުމަށްޓަކައި ސާބިތުކުރުމުގެ މިންގަޑެއް ކަނޑައެޅުންފަދަ އިޖުރާއާތުތަކަކީ ޤާނޫނުއަސާސީގައި ޖިނާއީ ތަޙުޤީޤުކުރުމާއި ޖިނާއީ ޝަރީޢަތް ހިންގުމަށް ކަނޑައެޅިފައިވާ ދުސްތޫރީ އުޞޫލުތަކާ ގެރެންޓީތަކާއި ކުށުގެ ތުހުމަތުގައިވާ މީހާއަށް ކަށަވަރުކޮށްދޭ ޙައްޤުތަކާ ތަޢާރުޟުވާ ކަންތައް ތަކެއްކަން އެނގެން އޮންނައޮތުމެވެ.

(ޒ) ނަވާރަވަނަކަމަކީ، ޤާނޫނުއަސާސީގައި މުސްތަޤިއްލު މަޤާމްތަކާއި މުސްތަޤިއްލު ކޮމިޝަންތަކުގެ މެންބަރުކަމުގެ މަޤާމުން ވަކިކުރުމުގެ އުޞޫލު ބަޔާންކޮށްފައިވާ މާއްދާތަކަށް ބަލާއިރު، ޤާނޫނުއަސާސީގައި ވަކިކުރެވޭނެ ޙާލަތްތައްކަމަށް ބަޔާންވެފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމީޓިއަކުން ބެލުމުގައި ޢަދުލުވެރި އިންސާފުވެރި (ޖަސްޓް އެންޑް ފެއަރ) އަދި މަޤްބޫލު (ރީޒަނަބަލް) ޤާނޫނީ އިޖުރާއާތުތަކަކަށް ތަބަޢަވާންޖެހޭނެކަން އެނގޭކަމާ އަދި ޖިނާއީ ތުހުމަތެއްގައިވާ މީހަކު ނަމަ އެ ތުހުމަތާ ގުޅިގެން އެ މީހަކާ މެދު ޢަމަލުކުރަންޖެހޭނީ ޖިނާއީ އިޖުރާއާތުގެ ތެރެއިންކަމާއި ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ މައްޗަށް ޖިނާއީ ނިޒާމުގެ ތެރެއިން ޢަދުލުވެރި ޝަރީޢަތެއްކުރުމާއި މުއްތަހަމުގެ ފަރުދީ ޙައްޤުތަކާއި މިނިވަންކަންތައް ޙިމާޔަތްކުރުމަށް ހުރި ދުސްތޫރީ ގެރެންޓީތަކާ ތަޢާރުޟުވާނެ އެއްވެސް ފިޔަވަޅެއް އެ ތުހުމަތާ ގުޅިގެން ޖިނާއު ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން އެއްވެސް ފަރާތަކުން އެޅުން ދުސްތޫރީ ގޮތުން ޞައްޙަނުވާނެކަމާއި، ކުރެވިފައިވާ ތުހުމަތުގެ ޖިނާއީ މައްސަލަ ނިމެންދެން ކުރެވިފައިވާ ތުހުމަތުގެ ޒާތަށާއި ބާވަތަށާއި ޢާންމު މަޞްލަޙަތަށް ރިޢާޔަތްކޮށް ސަސްޕެންޑް ކުރުންފަދަ ތަޢުދީބީ ފިޔަވަޅެއްވެސް އެޅޭނީ ޑަބަލް ޖެޕަރޑީ ވެއްޖެކަމުގައި ބެލެވިގެން ޖިނާއީ ކުށަށް ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން އަދަބު ދިނުމުގެ ޙައްޤު ދައުލަތަށް ނުގެއްލޭނޭ ގޮތެއްގެމަތިން އަދި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ކަނޑައެޅިފައިވާގޮތުގެ މަތިން ޤާނޫނަކުން ކަނޑައެޅިފައިވާ އިޖުރާއާތަކުންކަމާއި ހުރިހައި ޙާލަތެއްގައިވެސް މިފަދަ އިޖުރާއާތު ޑިޔު ޕްރޮސެސް އާއި ރޫލް އޮފް ލޯ އަށް ފެތޭ ޢަދުލުވެރި އިންސާފުވެރި ރީޒަނަބަލް އިޖުރާއާތުތަކަކަށް ވާންޖެހޭނެކަމާއި މިފަދަ ކޮންމެ ޤާނޫނީ އިޖުރާއާތެއްވެސް ވާންވާނީ ކޮންމެ ޤާނޫނީ ޤާއިދާއެކޭ އެއްފަދައިން ޢާންމު މުޖައްރަދު ޤާއިދާ (ޖެނެރަލް، އެބްސްޓްރެކްޓް ރޫލް) އަކަށްކަމާއި އެގޮތުން ވަކިމީހެއްގެ ކިބައިގައި ހުރި ސިފަޔަކަށް ބަލައިގެން ވަކިމީހަކަށް އަމާޒުވާގޮތަށް ހެދޭ އިޖުރާއަތަކަށްވެގެންނުވާނެކަމާއި ކުރިން ޤާނޫނީ އިޖުރާއާތެއް ހެދިފައިނެތުމަކީ ވަކިމީހަކަށް ފިޔަވަޅުއެޅުމަށްޓަކައި ވަކިމީހެއްގެ މައްޗަށް ޢަމަލުކުރުމަށްޓަކައި ޚާއްޞަ އިޖުރާއާތުތަކެއް އަރބިޓްރަރީ ނަތީޖާއެއް ނުކުންނަގޮތަކަށް ހެދުން ހުއްދަކުރެވޭނޭ ކަމެއްނޫންކަމާއި ޤާނޫނުގެ ޢާންމު އުޞޫލަކީ ފަހުން ހެދޭ ޤާނޫނީ ޤާޢިދާއެއް ކުރިން ހިނގާފައިވާކަމަކަށް ނުހިންގުންކަމާއި ކުރިން ހިނގާފައިވާކަމަކަށް އިސްތިސްނާ ގޮތެއްގައި ހިންގޭނީވެސް ޤާނޫނެއްގެ ޞަރީޙަ ނައްޞަކުން ބަޔާންވެގެންކަން އެނގޭކަމާއި ޤާނޫނީ އެއްވެސް އިޖުރާއާތެއް މި އުޞޫލުން އިސްތިސްނާނުވާނެކަން އެނގެން އޮންނަކަމާއި ޤާނޫނުގެ ޙުކުމަށް ދައުލަތް ދިމިޤްރާޠީ މަފްހޫމުގެ ދަށުން ތަބާވުމުގެ މަބްދައު ބިނާވެފައިވަނީ ދިމިޤްރާޠީ ދައުލަތެއް ޤާނޫނީ ދައުލަތެއްގެ ގޮތުގައި ޤާއިމްވެފައިވުމުގައި އެންމެ އިސްކަން ދޭންޖެހޭނީ ޤާނޫނީ ޙައްޤުތަކަށްކަމަށްވާއިރު، އިންސާނީ ކަރާމަތާއި އިންސާނީ ޙައްޤުތަކަށް ޔަޤީންކަންދޭ އެންމެ އަސާސީ ގެރެންޓީއަކީ މިއިން ޙައްޤަކަށް އުނިކަމެއް އަންނަގޮތަކަށް ޤާނޫނެއް ނުވަތަ ޤަވާޢިދެއް ނުވަތަ އިޖުރާޢާތެއްވެސް ނެހެދުންކަން އެނގެން އޮންނައޮތުމެވެ.

ޙުކުމް:

އިސްވެ ބަޔާންކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، ފަހުމީ ޙަސަންގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ ޖިނާއީ ތުހުމަތަކަށްވާތީ މި މައްސަލައަކީ ބަޔާންވެދިޔަ "ޑިޔު ޕްރޮސެސް" ގެ މަބްދައުގެ ދަށުން ޤާނޫނުއަސާސީގެ 50 ވަނަ މާއްދާ އާއި 51 ވަނަ މާއްދާ އާއި 52 ވަނަ މާއްދާ އާއި 53 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެމަތިން އަދި ޖިނާއީ ޢަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހައި ގެރެންޓީތަކާއި ޖިނާއީ އިޖުރާއާތުތަކާއި އެއްގޮތްވާ ގޮތުގެމަތީން، ޖިނާއީ ނިޒާމުގެ ތެރޭގައި ބަލައި ނިންމަން ޖެހޭ މައްސަލައަކަށްވާތީ އާއި ޖިނާއީ ނިޒާމުގެ ތެރެއިން އެ މައްސަލަ ނިމުމުގެ ކުރީގައި، ޢަދުލުވެރި ޝަރީޢަތެއްކުރުމާއި މުއްތަހަމުގެ ފަރުދީ ޙައްޤުތަކާއި މިނިވަންކަންތައް ޙިމާޔަތްކުރުމަށް ހުރި ދުސްތޫރީ ގެރެންޓީތަކާއި ޚިލާފުވާނެ އިޖުރާއާތެއް ހަމަ އެ ކުށުގެ ތުހުމަތާ ގުޅިގެން ހިންގުން ޞައްޙަނުވާނެތީ އާއި ޖިނާއީ އިޖުރާއާތު ނިމުމާގުޅިގެން މަދަނީ ދަޢުވާއެއް އޮތް ފަރާތެއް ހުރިނަމަ އެ ފަރާތުގެ އެ ޙައްޤަކަށް އުނިކަން އަތުވެދާނެތީ އާއި ޖިނާއީ އިޖުރާއާތުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކުން ހަމަ އެ ޢަމަލު އެހެން މިންގަޑަކުން މުޙައްމަދު ފަހުމީ ޙަސަނުގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅައި ފިޔަވަޅެއް އެޅުމަކީ ފަހުން އެ ޢަމަލަށް ޖިނާއީ ނިޒާމުގެ ތެރެއިން އަދަބެއް ޝަރީޢަތުން ކަނޑައަޅަންޖެހޭ ޙާލަތެއް އަތުވެއްޖެނަމަވެސް ޑަބަލް ޖެޕަރޑީގެ ގެރެންޓީއާ ތަޢާރުޟުވުމުގެ ސަބަބުން ޖިނާއީ ނިޒާމުގެ ތެރެއިން އަދަބުދިނުމުގެ ޙައްޤު ދައުލަތަށް ގެއްލިގެން ހިނގައިދާނެކަމަކަށް ވާނެތީ އާއި ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއިން މުޙައްމަދު ފަހުމީ ޙަސަންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައެޅިއްޖެނަމަ އަބުރާ ޢިއްޒަތާއެކު ކުށުން ބަރީއަކަން ކަނޑައެޅިގެންދިޔުމުގެ ޙައްޤު މުޙައްމަދު ފަހުމީ ހަސަން އަށް ގެއްލިގެން ހިނގައިދާނެތީ އާއި ދައުލަތުގެ ރަސްމީ އަދި ދުސްތޫރީ މަސްއޫލިއްޔަތަކާ ޤާނޫނީ ގޮތުން ޙަވާލުވެގެން ހުރި މީހަކު މަޤާމުން ވަކިކުރެވޭނެ ޙާލަތްތައްކަމަށް ޤާނޫނުއަސާސީގައި ބުނެފައިވާ ޙާލަތެއް މެދުވެރިވެއްޖެކަމަށް "ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފެނިގެން ކަމަށް" ބުނެފައި އޮންނަ އިޚްތިޔާރީ ބާރަކީ މުޠްލަޤް ބާރެއްކަމުގައި މާނަކުރެވޭނެ ދުސްތޫރީ އަދި ޤާނޫނީ އެއްވެސް ހަމައެއްނެތަތީ އާއި އެގޮތަށް މާނަކުރުމަކީ ޤާނޫނުއަސާސީގައި ބަޔާންވެގެންވާ އަސާސީ ޙައްޤުތަކާއި ރޫލް އޮފް ލޯއާ ތަޢާރުޟްވާނެ ކަމަކަށްވާތީ އެފަދަ މަޤާމަކުން މީހަކު ވަކިކުރަންޖެހޭ ޙާލަތެއް މެދުވެރި ވެއްޖެކަމަށް މަޖިލީހުގެ ކޮމިޓީއަކުން ކަނޑައެޅުމުގެ އިޖުރާއާތަކީ ޤާނޫނަކުން ކަނޑައެޅިފައިވާ އިޖުރާއާތަކަށްވާންޖެހޭނެކަމާއި މިފަދަ އިޖުރާއާތަކީ ހުރިހައި ޙާލަތެއްގައިވެސް ޑިޔު ޕްރޮސެސް އާއި ރޫލް އޮފް ލޯއަށް ފެތޭ ޢަދުލުވެރި އިންސާފުވެރި ރީޒަނަބަލް އިޖުރާއާތުތަކަކަށްވާންޖެހޭއިރު، މުޙައްމަދު ފަހުމީ ޙަސަން ވަކިކުރުމަށް ނެގި ވޯޓުގެ ކުރިއަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން އަމަލުކުރި އިޖުރާއާތު ބުނެވިދިޔަ ޑިޔު ޕްރޮސެސްގެ އުޞޫލާ އެއްގޮތްނުވާތީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޤާނޫނުއަސާސީގެ 8 ވަނަ މާއްދާ އާއި 16 ވަނަ މާއްދާ އާއި 17 ވަނަ މާއްދާ އާއި 20 ވަނަ މާއްދާ އާއި 21 ވަނަ މާއްދާ އާއި 42 ވަނަ މާއްދާ އާއި 43 ވަނަ މާއްދާ އާއި 51 ވަނަ މާއްދާ އާއި 52 ވަނަ މާއްދާ އާއި 53 ވަނަ މާއްދާ އާއި 54 ވަނަ މާއްދާ އާއި 59 ވަނަ މާއްދާ އާއި 60 ވަނަ މާއްދާ އާއި 61 ވަނަ މާއްދާ އާއި 62 ވަނަ މާއްދާ އާއި 63 ވަނަ މާއްދާ އާއި 64 ވަނަ މާއްދާ އާއި 65 ވަނަ މާއްދާ އާއި 67 ވަނަ މާއްދާ އާއި 68 ވަނަ މާއްދާ އާއި 69 ވަނަ މާއްދާ އާއި 144 ވަނަ މާއްދާ އާއި 268 ވަނަ މާއްދާ އާއި 299 ވަނަ މާއްދާއަށް ރިޢާޔަތްކުރާއިރު، ގ. ކޮއްކިރި، މުޙައްމަދު ފަހުމީ ހަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެމްބަރުކަމުން ވަކިކުރުމަށް ނަގާފައިވާ ވޯޓު ބިނާކުރި އިޖުރާއާތަކީ ޤާނޫނުއަސާސީއާ އެއްގޮތްވާ އިޖުރާއާތުތަކެއް ނޫންކަމާއި އަދި އެ އިޖުރާއާތުގެ މައްޗަށް ބިނާކޮށް މުޙައްމަދު ފަހުމީ ޙަސަން ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުން ވަކިކުރިކުރުމަކީ ބާޠިލު ވަކިކުރުމެއްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 7 ފަނޑިޔާރުންގެ ތެރެއިން 6 ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން

ފަނޑިޔާރު ޢަބްދުﷲ ސަޢީދު

ފަނޑިޔާރު ޢަބްދުﷲ ޢަރީފް

ފަނޑިޔާރު ޢަލީ ޙަމީދު މުޙައްމަދު

ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ

ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ