ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2019/SC-A/27ސުޕްރީމް ކޯޓު · 2 ނޮވެމްބަރު 2020 · ވަޒީފާއާބެހޭ – ބޭއިންސާފުން ވަކިކުރުމުގެ ބަދަލުގެ މިންވަރު

ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ)

ސުޕްރީމް ކޯޓުދަށުކޯޓުގެ ނިންމުން ބާޠިލު
32 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 2 ނޮވެމްބަރު 2020ބާވަތް: ވަޒީފާއާބެހޭ

ޚުލާޞާ

ކޯޓަށް އައި ގޮތް
ސިވިލް ކޯޓުން ވަކިކުރުން ޤާނޫނާ ޚިލާފުކަމަށް ކަނޑައަޅައި، ވަޒީފާއަށް ރުޖޫޢަކޮށް ވަކިކުރި ދުވަހުން ފެށިގެން މުސާރައާއި ޢިނާޔަތްތައް ދިނުމަށް ޙުކުމްކުރިއެވެ. ހައިކޯޓުން ވަކިކުރުން ޤާނޫނާ ޚިލާފެއް ނޫންކަމަށް ކަނޑައަޅައި ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކުރިއެވެ.
ވާޤިޢާ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސާޖެންޓް ފަސްޓް ކްލާސް މަޤާމުގައި ހުރި މުވައްޒަފު، ސިފައިންގެ ތެރޭގައި ފިތުނަ ފަސާދަ އުފެއްދުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކުރެވި ތަޙުޤީޤުކުރުމަށްފަހު، 2013 ނޮވެންބަރުގައި ވަޒީފާއިން ވަކިކުރިއެވެ.
ކޯޓުން ނިންމަން ޖެހުނު ސުވާލު
ބޭއިންސާފުން ވަޒީފާއިން ވަކިކުރިކަމަށް ދައުލަތުން އިޤްރާރުވުމުން، މުވައްޒަފަށް ދޭންޖެހޭ ގެއްލުމުގެ ބަދަލުގެ މިންވަރު 1 އަހަރުގެ މުސާރައަށް މަޙްދޫދުކުރެވޭނެތޯ، އަދި ބަދަލުގެ މިންވަރު ކަނޑައަޅާނީ ކޮން ހަމަތަކެއްގެ މައްޗަށްތޯ.
ޚަޞްމުންގެ ހުށަހެޅުންތައް
މުވައްޒަފު ބުނީ ހައިކޯޓުގެ ޙުކުމް ޤާނޫނުއަސާސީއާއި ސިފައިންގެ ޤާނޫނާ ޚިލާފު ކަމަށާއި ހެކިތަކަށް ފުރިހަމައަށް ރިޢާޔަތްނުކުރާ ކަމަށެވެ. ސުޕްރީމް ކޯޓުގައި ދައުލަތުން އިޤްރާރުވީ ވަކިކުރުމުގައި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުކުރާކަމަށެވެ؛ ވަޒީފާއަށް ރުޖޫޢަކުރުމަށް ރުހުނު ނަމަވެސް ބަދަލު 1 އަހަރުގެ މުސާރައަށް މަޙްދޫދުކުރަން އެދުނެވެ.
ކޯޓުގެ ސަބަބުތައް
ދިވެހި ޤާނޫނުގައި ބަދަލުގެ މިންވަރު މަޙްދޫދުކޮށްފައި ނުވާތީ، މުވައްޒަފު އިންކާރުކުރާއިރު 1 އަހަރަށް މަޙްދޫދު ނުކުރެވޭނެއެވެ. ބަދަލު ކަނޑައަޅަންވާނީ ވަޒީފާއާބެހޭ ޤާނޫނުގެ 29 (ރ) އާއި މޯލްޑިވްސް އެއަރޕޯޓްސް ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގެ ހަމަތަކާއި ކޯޓުން ބަޔާންކުރި ކަންކަމަށް ރިޢާޔަތްކޮށެވެ. ދައުލަތުގެ އިޤްރާރަށް ބިނާކޮށް ވަޒީފާއަށް ރުޖޫޢަކުރުމަށް އަމުރުކޮށް، ބަދަލުގެ މިންވަރު އިޚްތިޞާޞް ލިބިގެންވާ ކޯޓަކުން ކަނޑައެޅިދާނެކަމަށް ބަޔާންކުރެވުނެވެ.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
2015/HC-A/80
ފަހުގެ ތާރީޚު
—

ނިންމުން

ދަށުކޯޓުގެ ނިންމުން ބާޠިލު

ހައިކޯޓުގެ ޙުކުމް ބާޠިލު؛ ވަޒީފާއަށް ރުޖޫޢަކުރުމަށް އަމުރު، ޢަދުލުވެރި ބަދަލު ޙައްޤުވާކަމަށް ކަނޑައެޅި؛ ވަކިކުރި ދުވަހުން ފެށިގެން މުޅި މުސާރައާއި ޢިނާޔަތް ދިނުމުގެ ބައި ބާޠިލު

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ ޤާނޫނުގައި ނުވަތަ އެނޫން ޤާނޫނެއްގައިވެސް ބަދަލުގެ މިންވަރު މަޙްދޫދުކުރެވިފައި ނުވާތީ، މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ ހިނދު ނަގައިދެވޭ ބަދަލު މަޙްދޫދުކުރެވިފައި ނުވާކަމަށް ބަލަންޖެހެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން، ބަދަލުދިނުމުގެ އަމުރެއް ނެރުމުގައި ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާ އަދި ޢަދުލުވެރިކަމަށް ފެންނަ ޢަދަދަކަށެވެ؛ އެ ޢަދަދު ކަނޑައެޅުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރި ގޮތުން މުވައްޒަފަށް ސީދާ ލިބުނު ގެއްލުމަށާއި، ވަޒީފާއިން ވަކިކުރުމަށް ދިމާވީ މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެއެވެ.

ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް އަމުރުކުރާއިރު، އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި ޢިނާޔަތްތައް ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ދޭން އަމުރުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް، މުޅި މުއްދަތުގެ ތެރޭގައި ގެއްލިފައިވާ އެންމެހާ މުސާރައާއި ޢިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައިދިނުމަކީ ކޮންމެހެން ލާޒިމު ކަމެއް ނޫނެވެ؛ ނަގައިދޭނެ ޢަދުލުވެރި މިންވަރެއް ކަނޑައަޅާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުންނެވެ.

ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތް ނޫން، އަނެއް ބައިވެރިޔާގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް ކަމަށް ކޮންޓްރެކްޓާބެހޭ ޤާނޫނުގެ 24 ވަނަ މާއްދާއިން އެނގެން އޮތުމުން، ވަޒީފާ އަލުން ދިނުމަށް އަމުރުކުރާއިރު، ދެމެދު ހިނގާފައިވާ މުއްދަތަށް މުވައްޒަފަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭ ގޮތަށް ގެއްލުމުގެ ބަދަލު ދިނުމަށް އަމުރުކުރުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. އެ މީހަކު އެހެން ވަޒީފާއެއް އަދާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އާމްދަނީ ހޯދަމުން ގެންގޮސްފައިވާނަމަ އެކަމަށާއި، އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނެ ކަމަށް ޤަބޫލުކުރެވޭ މުއްދަތަށް ރިޢާޔަތްކުރަންވާނެއެވެ.

މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލާއި މައުޟޫޢީ ޢަދުލު ޤާއިމުކުރެވިފައި ނުވާކަން ސާބިތުވާހިނދު، ބަދަލުގެ މިންވަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ޝަރުޢީ ކޯޓުތަކުން ކަނޑައެޅުމުގައި، ކޮންމެ މައްސަލައެއްގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް، މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތަށާއި، ވަޒީފާގައި ހޭދަކުރި މުއްދަތަށާއި، ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތަށާއި، ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތަށާއި، ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތޯއާއި، މުވައްޒަފުގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިހުމާލެއް އޮތްތޯއާއި، ގެއްލުމުގެ މިންވަރު ކުޑަކުރުމަށް މަސައްކަތެއް ކުރިތޯއާއި، ވަޒީފާއަށް ރުޖޫޢަކުރުމުގެ އިތުރުން ބަދަލު ދިނުމުގެ ސަބަބުން ނުޙައްޤު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯއާއި، ޤާނޫނުން ލިބިގެންވާ ޙައްޤެއް ބޭނުންކުރީތީ ވަކިކުރެވުނުކަން ސާބިތުވާހިނދު އިތުރު ބަދަލެއް ނަގައިދޭންޖެހޭތޯއަށް ރިޢާޔަތްކުރެވިދާނެއެވެ.

ޤާނޫނުގައި ބަދަލުގެ މިންވަރު މަޙްދޫދުކުރެވިފައި ނުވާތީ، މުވައްޒަފު އިންކާރުކުރާ ޙާލަތުގައި، ބަދަލުގެ މިންވަރު ޤާނޫނުން މަޙްދޫދުކުރެވިފައިވާ ޤައުމުތަކުގައި ޢަމަލުކުރާ ފަދައިން، ވަޒީފާދޭ ފަރާތުން ހުށަހަޅާ ގޮތަށް 1 އަހަރު ދުވަހުގެ މުއްދަތަށް މަޙްދޫދުކޮށް ބަދަލު ނަގައިދެވިދާނެ ކަމަކަށް ނުދެކެމެވެ.

މަދަނީ ޚުޞޫމަތެއްގައި ކޮންމެ މަރުޙަލާއެއްގައިވެސް އެ މައްސަލައެއްގައި ދެކޭގޮތް ބަދަލުވުމުގެ ފުރުޞަތު އޮތުމަކީ އެކަށީގެންވާ ކަމެކެވެ. މައްސަލައިގެ އަސާސް ބިނާވަނީ ވަޒީފާގެ އެއްބަސްވުމަށް ކަމަށްވެފައި، ދެ ފަރާތުން ވަކިގޮތަކަށް ރުހޭހިނދު، އެއާ ޚިލާފަށް ޝަރީޢަތުން ގޮތެއް ކަނޑައެޅުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 246 ވަނަ މާއްދާގެ (ށ) (ހައިކޯޓުން ބަރޯސާވި؛ އިސްތިއުނާފު ކުރި ފަރާތުން ހުށަހެޅި)
  • ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ (އިސްތިއުނާފު ކުރި ފަރާތުން ބަރޯސާވި)
  • ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 19 އަދި 33 ވަނަ މާއްދާ
  • ސިފައިންގެ ޢާންމު ޤަވާޢިދުގެ 1 ވަނަ ބާބުގެ 6 ވަނަ މާއްދާގެ (ނ) އާއި (ރ)
  • ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 2 ވަނަ ބާބުގެ 2 ވަނަ މާއްދާގެ 5 ވަނަ އަދި 6 ވަނަ ނަންބަރު
  • ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާގެ (ނ)، 29 ވަނަ މާއްދާގެ (ހ) ގެ (1) އަދި 29 ވަނަ މާއްދާގެ (ރ)
  • ޤާނޫނު ނަންބަރު 4/91 (ކޮންޓްރެކްޓާބެހޭ ޤާނޫނު) ގެ 24 ވަނަ މާއްދާ
  • ޤާނޫނު ނަންބަރު 13/2010 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާ (އިސްތިއުނާފު ކުރި ފަރާތުން ބަރޯސާވި)
  • މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު (ސުޕްރީމް ކޯޓު)
  • 2012/SC-C/35 (ސުޕްރީމް ކޯޓު)

ފަނޑިޔާރުން

ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް، ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
ރިޔާސަތު
ޢަލީ ރަޝީދު ޙުސައިން
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޙުސްނުއްސުޢޫދު، ޢަލީ ރަޝީދު ޙުސައިން
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޙުސްނުއްސުޢޫދު އަދި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/80 ގަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި […]، ޢަލީ ވަޙީދު (ދިވެހި ރައްޔިތެއްކަން އަންގައިދޭ (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "ޢަލީ ވަހީދު" މިހެން އިޝާރާތް ކޮށްފައިވާ) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން މި ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ގަޟިއްޔާގައި އިސްތިއުނާފު ރައްދުވަނީ ދައުލަތް/ މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ދައުލަތް" މިހެން އިޝާރާތްކޮށްފައިވާ) ގެ މައްޗަށެވެ.

އިސްތިއުނާފުކުރާ ފަރާތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ރެކޯޑު ކާޑު ނަންބަރު 7125) ވަޒީފާ އަދާކުރަމުން ގެންދިޔައީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައެވެ. އަދި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރެވުނުއިރު ހުރި މަޤާމަކީ ސާޖެންޓް ފަސްޓް ކްލާސް އެވެ.

އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާއި، ޚިލާފުވެފައިވާތީ ކަމަށް ބުނެ ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 2 ވަނަ ބާބުގެ 2 ވަނަ މާއްދާގެ 6 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ނަންބަރު (2)PM-1/2013/122 ޗިޓުން 25 ނޮވެންބަރު 2013 (މީގެ ފަހުން "ވަޒީފާއިން ވަކިކުރި ތާރީޚް") ގައެވެ.

ސިވިލް ކޯޓުގެ ނިންމުން

އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމާ ގުޅިގެން ދައުލަތް / މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ މައްޗަށް ސިވިލް ކޯޓުގައި އިސްތިއުނާފުކުރާ ފަރާތުން 02 މާރިޗު 2014 ގައި މައްސަލަ ހުށަހެޅިއެވެ. މި މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 498/Cv-C/2014 ޤަޟިއްޔާ އިންނެވެ.

ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައިގައި، އިސްތިއުނާފުކުރާ ފަރާތް އަދާކުރަމުންދިޔަ ވަޒީފާއިން ޤާނޫނާއި، ޤަވާޢިދާ ޚިލާފަށް ވަކިކޮށްފައިވާތީ، އޭނާ އަދާކުރަމުންދިޔަ ވަޒީފާ އިޢާދަކޮށްދިނުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ އިޢާދަކޮށްދޭ ދުވަހާއި ހަމައަށް ވަޒީފާއިން ލިބެމުންދިޔަ މުސާރައާއި، އެލަވަންސްތަކާއި، އެންމެހައި ޢިނާޔަތްތައް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ މުވައްޒަފުންގެ މުސާރައާއި، ޢިނާޔަތްތަކާއި، އެލަވަންސްތަކަށް އެއްވެސް ބަދަލެއް އައިސްފައިވާނަމަ އެ ބަދަލު ހިމަނައިގެން ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އިޢާދަކޮށްދޭ ދުވަހާ ހަމައަށް ލިބިދިނުމަށާއި އަދި އެ ދެމެދުގައި ވޭތުވާ ދުވަސްތަކަކީ ޚިދުމަތުގައި ދެމިހުރި ދުވަސްތަކެއް ކަމަށް ކަނޑައަޅައިދިނުމަށް އެދުނެވެ.

އިސްތިއުނާފުކުރާ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި ދައުވާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ، ސިފައިންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާކަމަށް ތުހުމަތުކުރެވިގެން އެ މައްސަލަ ތަޙުޤީޤުކުރުމަށްފަހު، ތަޙުޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި ސިފައިންގެ ޢާންމު ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ނ) ގެ ދަށުން ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބާ އެ ފަރާތުން ޚިލާފުވެފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ތަޙުޤީޤަށް ސާބިތުވާތީ، ސިފައިންކުރާ ކުށްތަކަށް އިދާރީ އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 2 ވަނަ ބާބުގެ 2 ވަނަ މާއްދާގެ 5 ވަނަ ނަންބަރާއި 6 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޤާނޫނާއި ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.

މި މައްސަލަ ސިވިލް ކޯޓުއިން ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި ވަނީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށްކަމާއި އަދި އޭނާ އާމެދު ތުހުމަތު ކުރެވިފައިވާ ކުށުގެ ޢަމަލު ޖިނާއީ ޢަދުލުގެ ނިޒާމުނޫން އެހެން ނިޒާމެއްގެ ތެރެއިން ބަލައި ތަޙުޤީޤުކޮށްގެން ކަން އެނގޭ ކަމަށާއި، އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅާފައިވަނީ ޝަރީޢަތަށް މައްސަލަ ހުށަހަޅައި ޤަޟާއީ ޙުކުމަކުން ނޫންކަން އެނގޭ ކަމަށާއި، އޭނާ އާމެދު ކުރެވުނު ކުށުގެ ތުހުމަތާއި ގުޅިގެން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ތަޙުޤީޤުކޮށް، އެ ތަޙުޤީޤަށް ކުށް ސާބިތުވާކަމަށް ކަނޑައެޅުމަށާއި، އޭނާ އާމެދު ކުރެވުނު ކުށުގެ ތުހުމަތާއި ގުޅިގެން ތައްޔާރުކުރި ތަޙުޤީޤު ރިޕޯޓުގައި އޭނާ އާމެދު އަޅަން ފެންނަ ކަމަށް ބުނެފައިވާ ފިޔަވަޅު އަޅާފައިވަނީ ކުށުގެ ތުހުމަތުގައިވާ ފަރާތަށް ޤާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ދުސްތޫރީ ގެރެންޓީއާއި، ޖިނާއީ ޢަދުލުގެ ނިޒާމް ތެރޭގައި ފަރުދުންގެ ޙައްޤުތަކާއި މިނިވަންކަމަށް އޮންނަ ގެރެންޓީތަކާއި ޚިލާފަށްކަން ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު2012/SC-C/35 ޤަޟިއްޔާއަށް ބެލުމުން އެނގެން އޮންނާތީ އެކަން ޝަރީޢަތަށް ސާބިތުވާކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުންދިޔަ ވަޒީފާ، ސިވިލް ކޯޓުން ޙުކުމްކުރި ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ރުޖޫޢަކޮށްދިނުމަށް ނުވަތަ ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ ދަށުން ހަދާ ރިޓަޔަރމެންޓް ޤަވާޢިދާ އެއްގޮތްވާ ގޮތުގެމަތިން ޝަރަފުވެރިކަމާއެކު ސިފައިންގެ ވަޒީފާއިން ވަކިވި މީހެއް ކަމަށް ކަނޑައެޅުމަށާއި، އޭނާ އެ ވަޒީފާގައި ދެމިހުރި ކަމަށް ބެލުމަށާއި، 25 ނޮވެންބަރު 2013 ވަނަ ދުވަހުން ފެށިގެން އޭނާ ވަޒީފާއަށް ރުޖޫޢަކުރެވޭ ދުވަހާ ހަމައަށް ނުވަތަ ރިޓަޔަރ ކުރެވޭ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އެންމެހާ ޢިނާޔަތްތައް ފުރިހަމައަށް ލިބިދިނުމަށް އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް އަންގާ 19 އޮކްޓޯބަރ 2014 ގައި ސިވިލް ކޯޓުން ޙުކުމް ކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން

ސިވިލް ކޯޓުގެ ނިންމުން ރަނގަޅު ނޫންކަމަށް ބުނެ ދައުލަތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް 23 ފެބުރުއަރީ 2015 ގައި ހުށަހެޅި އެވެ. އެ މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2015/HC-A/80 ޤަޟިއްޔާ އިންނެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/80 ޤަޟިއްޔާ ނިންމަވާފައިވަނީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެ ވަޒީފާގައި ހުރެ، ސިފައިންގެ ތެރޭގައި ފިތުނަ ފަސާދައާއި ބައިބައިވުން އުފެއްދުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ތަޙުޤީޤުކުރުމަށްފަހު، ތަޙުޤީޤަށް ލިބިފައިވާ ހެއްކާއި ޤަރީނާތަކުގެ މައްޗަށް ރިޢާޔަތްކޮށްގެން ކަމަށާއި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޭސް ނަންބަރު MNDF-85/ID/2013-66/179 ތަޙުޤީޤު ރިޕޯޓާއި ތަޙުޤީޤަށް ނެގިފައިވާ ބަޔާންތަކުން، އިސްތިއުނާފުކުރާ ފަރާތް ފާޅުކަން ބޮޑުގޮތެއްގައި ސިޔާސީ ވަކި ފިކުރަކަށް ތާއީދުކޮށް އެ ފިކުރާއި ޕާޓީ ޕްރޮމޯޓްކުރުމަށް އޮފީސް މާޙައުލާއި އޮފީހުން ބޭރުގައިވެސް މަސައްކަތްކޮށްފައިވާކަން އެނގެން އޮތުމުން، އޭނާގެ އެ ޢަމަލަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 246 ވަނަ މާއްދާގެ (ށ) އާއި ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 33 ވަނަ މާއްދާއާއި، ސިފައިންގެ އާންމު ޤަވާއިދުގެ 1 ވަނަ ބާބުގެ 6 ވަނަ މާއްދާގެ (ނ) އާއި (ރ) އާ ޚިލާފު ޢަމަލެއްކަން ސާބިތުވާތީ، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބެލެވެން ނެތުމުން، ސިވިލް ކޯޓުގެ ޙުކުމް ބާޠިލް ކުރުމަށް ކަނޑައަޅައި01 ޑިސެމްބަރ 2016 ގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކޮށްފައި ވެއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފު ކުރެވުނު މައްސަލަ

އިސްތިއުނާފުކުރާ ފަރާތުން މި މައްސަލައިގައި އިސްތިއުނާފު ބިނާކޮށްފައި ވަނީ:

(ހ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/80 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނުއަސާސީގެ 246 ވަނަ މާއްދާގެ (ށ) އާއި، ޤާނޫނު ނަންބަރު 2008/1 (ސިފައިންގެ ޤާނޫނު) ގެ 19 ވަނަ މާއްދާ އާއި ޤާނޫނުއަސާސީގެ 27 ވަނަ މާއްދާ އިން ކޮންމެ މީހަކަށް ލިބިދޭ އަސާސީ ޙައްޤަކާއި ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާ؛

(ށ) ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/80 ޤަޟިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު498/Cv-C/2014 ޤަޟިއްޔާގައި ހުށަހެޅި ހެކިތަކާއި އަސާސްތަކުގެ މައްޗަށް ފުރިހަމައަށް ރިޢާޔަތް ނުކުރައްވާ މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ؛ އަދި

(ނ) ޤާނޫނު ނަންބަރު 2010/13 (ފަނޑިޔާރުންގެ ޤާނޫނު) ގެ 5 ވަނަ މާއްދާއާ ޚިލާފަށް މައްސަލަ ނިންމަވާފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.

އިސްތިއުނާފުގެ ޖަވާބުގައި، ދައުލަތުން ސިވިލް ކޯޓުގަ އާއި ހައިކޯޓުގައި އިސްތިއުނާފުކުރާ ފަރާތާ ދެކޮޅަށް ވަކާލާތު ކޮށްފައިވީ ނަމަވެސް، މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމާއެކު މިކަމުގައި ދެކޭގޮތް ބަދަލު ކުރައްވައި އިސްތިއުނާފު ކުރައްވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނުން ނުވަތަ ޤަވާޢިދުން ވަޒީފާއިން ވަކިކުރުމުގައި ޝަކުލީގޮތުން ތަބާވަންޖެހޭ އިލްތިޒާމުތައް ފުރިހަމަކުރުމެއް ނެތިކަމާއި، ޢަލީ ވަހީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ނުކުރެވިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން ވަނީ އިޤްރާރު ވެފައެވެ.

އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފުގައި އެދިފައިވަނީ ހައިކޯޓުގެ ޙުކުމް ބާތިލުކޮށް ދެއްވައި، ސިވިލް ކޯޓުގެ ޙުކުމަށް ތާޢީދުކޮށް ދިނުމަށެވެ. އިސްވެ ދެންނެވިފައިވާ، ސިވިލް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވާ، ޢަލީ ވަޙީދު އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫޢަކޮށް ދިނުން ނުވަތަ ރިޓަޔަރމަންޓް ޤަވާޢިދާ އެއްގޮތަށް ޝަރަފުވެރި ކަމާއެކު ރިޓަޔަރ ކުރުމާއެކު، އޭނާ ވަޒީފާގައި ދެމިހުރި މީހެއްކަމަށް ބެލުމަށް ދައުލަތުން ރުހުއެވެ. ނަމަވެސް، އެ ޙުކުމުގައި ބަޔާންކުރާ، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން އޭނާ ވަޒީފާ ރުޖޫޢަ ކުރެވޭ ދުވަހާ ހަމައަށް ނުވަތަ ރިޓަޔަރ ކުރެވޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަޔާއި ޢިނާޔަތްތައް ދިނުމަށް ދައުލަތުން އިންކާރުކުރެއެވެ. ބުނެވިދިޔަ އުޞޫލުން ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ރުޖޫޢަ ކުރެވޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ އާއި ޢިނާޔަތުގެ ބަދަލުގައި ދައުލަތުން އެދިފައިވަނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ވާ މުސާރަ އާއި ޢިނާޔަތްތައް އިސްތިއުނާފުކުރާ ފަރާތަށް ލިބި ދިނުމަށެވެ. ނަމަވެސް، މިކަމަށް އިސްތިއުނާފުކުރާ ފަރާތުން ވަނީ އިންކާރު ކޮށްފައެވެ.

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ އިސްތިއުނާފީ ނުކުތާ

އިސްތިއުނާފުކުރާ ފަރާތާ އަދި އިސްތިއުނާފު ރައްދުވާ ފަރާތާ ދެމެދު ޚުސޫމަތެއް އުފެދިފައިވާ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތް ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީވެ، އެކަމުގެ ސަބަބުން އިސްތިއުނާފުކުރާ ފަރާތަށް ލިބިދޭންޖެހޭ ގެއްލުމުގެ ބަދަލު މިންވަރާމެދު ފާހަގަކުރި ނުކުތާއެވެ.

ބަދަލުގެ މިންވަރު ކަނޑައެޅުމާބެހޭ ހަމަތަކާ ގުޅޭ

އިސްތިއުނާފު ކުރެވިފައިވާ މައްސަލައަށް ބަލާއިރު، ދައުލަތުން އިސްތިއުނާފުކުރާ ފަރާތަށް ބަދަލު ޙައްޤުވާ ކަމަށް އިޤްރާރުވެފައިވާއިރު، ބަދަލުގެ މިންވަރު އިސްތިއުނާފުކުރާ ފަރާތުން ވަޒީފާއިން ވަކިކުރިއިރު ލިބެމުން ދިޔަ މުސާރަ އާއި ޢިނާޔަތުގެ ނިސްބަތުން 1 (އެކެއް) އަހަރު ދުވަހަށްވާ މިންވަރުގެ ބަދަލަކަށް މަޙްދޫދު ކުރުމަށް އެދިފައިވެއެވެ. އެކަމަކީ ދައުލަތުގެ އެ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ކުރެވިދާނެ ކަމެއްތޯ ނަޒަރު ކުރާއިރު މި ބާވަތުގެ މައްސަލަތަކުގައި އެހެން ޤާނޫނީ ނިޒާމުތަކުގައި ޢަމަލު ކުރަމުންދާ ގޮތްތަކުގެ ތެރެއިން ބައެއް މިސާލުތަކަށް ބަލާލުން މުހިންމެވެ.

އިނގިރޭސިވިލާތުގައި މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ ޙާލަތުގައި ބަދަލު ހިސާބުކުރާނެ ގޮތާއި، އަދި އެންމެ މައްޗަށް ބަދަލުގެ ގޮތުގައި ލިބޭނެ މިންވަރު ޤާނޫނުގައި ބަޔާންކޮށްދީފައިވާކަން ފާހަގަކުރަމެވެ. އަދި ހަމަ އެހެންމެ، ބަދަލު ނަގައިދިނުމުގައި 12 (ބާރަ) މަސް ދުވަހުގެ މުސާރަ އެއީ ބަދަލުގެ މިންވަރު ހިސާބުކުރުމުގައި ބަލާ ފަންގިފިލާކަމުގައި ވަނީ އެކަށައަޅުއްވާފައެވެ. އަދި ބަދަލު ނަގައިދެވޭނީ މުވައްޒަފު ވަޒީފާއަށް ރުޖޫޢަ ނުކުރެވޭ ޙާލަތުގައި ކަން ފާހަގަކުރަމެވެ. އޮސްޓްރޭލިޔާގައި ބަދަލު ދިނުމުގައި ޢަމަލުކުރާ ގޮތުގެ ބައެއް މިސާލުތަކަށް ބަލާއިރު، ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ މުވައްޒަފުންނަށް ބަދަލު ނަގައިދެވެނީ އެ މުވައްޒަފުގެ ވަޒީފާ ރުޖޫއަ ނުކުރެވޭ ޙާލަތުގައި އެކަންޏެވެ. އަދި ބަދަލު ނަގައިދެވެނީ 6 (ހައެއް) މަސްދުވަހުގެ މުސާރައެވެ. އަދި ބަދަލު ނަގައިދޭ މިންވަރު ކަނޑައެޅުމުގައި ބަލަންޖެހޭ ކަންތައްތައް ވަނީ ޤާނޫނުގައި ބަޔާންކޮށްފައެވެ. ސައުތު އެފްރިކާގައި ޢަމަލު ކުރާގޮތަށް ބަލާއިރު، ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭއިރު، 12 (ބާރަ) މަސް ދުވަހަށްވުރެ އިތުރު ނުވާނޭގޮތަށް ވަޒީފާއިން ވަކިކުރެވޭ އިރު ލިބެމުންދިޔަ މުސާރައާ އެއްވަރުގެ ބަދަލެއް ނަގައިދެވެއެވެ.އެހެންނަމަވެސް، ވަޒީފާއިން ވަކިކުރެވުނީ ޤާނޫނުން ލިބިދީފައިވާ ޙައްޤެއް ބޭނުންކުރުމުން ކަމަށްވާނަމަ އެ މުވައްޒަފަކަށް 24 (ސައުވީސް) މަސް ދުވަހަށްވުރެ އިތުރު ނުވާނެ ގޮތަށް ބަދަލު ނަގައިދެވެއެވެ.

ބަޔާންވެދިޔަ ޤައުމުތަކުގައި ޢަމަލު ކުރާގޮތަށް ބަލާއިރު، އެފަދަ ޤައުމުތަކުގައި މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭއިރު ނަގައިދެވޭ ބަދަލު މަޙުދޫދު ކުރެވިފައިވަނީ އެ ޤައުމުތަކުގެ ޤާނޫނުގައި ބަޔާންކުރެވިފައި ވާތީވެކަން ފާހަގަކުރަމެވެ. ނަމަވެސް، ދިވެހިރާއްޖޭގައި ވަޒީފާއާބެހޭ ޤާނޫނުގައި ނުވަތަ އެނޫން ޤާނޫނެއްގައިވެސް ބަދަލުގެ މިންވަރު މަޙުދޫދު ކުރެވިފައި ނުވާތީވެ، މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭ ހިނދު، ނަގައިދެވޭ ބަދަލު، މަޙުދޫދު ކުރެވިފައި ނުވާކަމަށް ބަލަން ޖެހެއެވެ.

ދިވެހިރާއްޖެ ފަދައިން، ޤާނޫނުގައި ބަދަލުގެ މިންވަރު މަޙްދޫދު ކުރެވިފައިނުވާ ޤައުމުތަކުގައިވެސް އެ ޤަމުތަކުގައި ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ލިޔެވިގެން ޢަމަލުކުރާ ހަމަތަކެއް ގެންގުޅޭކަމާއި، މިގޮތުން، މެލޭޝިޔާ އަށް ބަލާއިރު މިސާލަކަށް، ދާއިމީ މުވައްޒަފަކު ބޭއިންސާފުން ވަޒީފާއިން ވަކިކުރެވޭއިރު ވަޒީފާއިން ވަކިކުރެވުނު ލިބެމުން ދިޔަ މުސާރައިގެ ނިސްބަތުން 24 (ސައުވީސް) މަސްދުވަހުގެ މުސާރަ އެއީ ބަދަލު ނައިދިނުމުގެ ފަންގިފިލާއެއްކަމުގައި ދަމަހައްޓަމުން އައިސްފައި ވެއެވެ.

ބޭއިންސާފުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން މުވައްޒަފަށް ލިބިދެވޭ ބަދަލުގެ މިންވަރާ ގުޅޭގޮތުން، ދިވެހިރާއްޖޭގައި ބަޔާންކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ރ) ގައެވެ. އެ މާއްދާގައި ބަޔާންކޮށްފައިވަނީ ބަދަލުދިނުމުގެ އަމުރެއް ނެރުމުގައި ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާ ކަމަށް އަދި އަދުލުވެރިކަމަށް ފެންނަ ޢަދަދަކަށް ކަމަށެވެ. މިފަދައިން ޢަދަދު ކަނޑައެޅުމުގައި ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރި ގޮތުން އެ މުވައްޒަފަކަށް ސީދާ ލިބުނު ގެއްލުމަށާއި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވި މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުން ކަމަށްވާނަމަ އެކަމުގައި އޭނާ ބައިވެރިވާ މިންވަރަށް ރިޢާޔަތްކުރަންވާނެ ކަމަށް މި މާއްދާގައި ބަޔާންކޮށްފައިވެއެވެ. އަދި މުވައްޒަފަށް ބަދަލު ދިނުމުގައި އޭނާ ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ނ) ގައިވާ ކަންތައްތަކުގެ ތެރެއިން ކަމަކަށް ބިނާކޮށް ކަމަށްވާނަމަ، އެކަމަށްޓަކައި އެ މުވައްޒަފަކަށް އިތުރު ޢަދަދެއްގެ ފައިސާ ދިނުމަށް އަމުރުކުރެވިދާނެ ކަމަށްވެސް މި މާއްދާގައި ބުނެފައިވެއެވެ.

ބޭއިންސާފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ބަދަލު ދިނުމާ ގުޅޭގޮތުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަދަލުގެ މިންވަރު ކަނޑައަޅާނެ އާއްމު ހަމަތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށްފައިވެއެވެ. ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުން އަމުރުކުރާއިރު އެ މުވައްޒަފަކަށް އެ މުއްދަތުގެ ތެރޭގައި ގެއްލިފައިވާ މުސާރައާއި ޢިނާޔަތްތައް އެ ޓްރައިބިއުނަލުން ނުވަތަ ކޯޓުން ކަނޑައަޅާ ގޮތެއްގެމަތިން ދޭން އަމުރުކުރުމަކީ ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ (1) ގައިވާ ގޮތަށް އެ މުވައްޒަފެއްގެ ވަޒީފާ ދެމިގެންދާކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ ކަމެއް ކަމަށާއި، ނަމަވެސް، މުޅި މުއްދަތުގެ ތެރޭގައި އެ މުވައްޒަފަކަށް ގެއްލިފައިވާ އެންމެހާ މުސާރަ އާއި ޢިނާޔަތްތައް ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުގައި ނަގައި ދިނުމަކީ ކޮންމެހެން ލާޒިމުކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ގޮތުން އެ މުވައްޒަފަކު އެ މުއްދަތުގެ ތެރޭގައި ވަޒީފާގައި ހުރިނަމަ ލިބޭނޭ މުސާރަ އާއި ޢިނާޔަތްތަކުގެ ތެރެއިން ނަގައިދޭނެ ޢަދުލުވެރި މިންވަރެއް ކަނޑައަޅާނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނުވަތަ ޝަރުޢީ ކޯޓަކުންނެވެ. މީގެ އިތުރަށް އެ ޤަޟިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ ކޮންޓްރެކްޓާ ޚިލާފުވީ ފަރާތް ނޫން އެ ކޮންޓްރެކްޓުގެ އަނެއް ބައިވެރިޔާގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަން ކޮންޓްރެކްޓާބެހޭ ޤާނޫނު ގެ 24 ވަނަ މާއްދާ އިން ސާފުކޮށް އެނގެން އޮތުމުން، ވަޒީފާ އަލުން އަނބުރާ ދިނުމަށް ކޯޓުން އަމުރު ކުރާއިރު، ވަޒީފާ އަލުން ދިނުމާދެމެދު ހިނގާފައިވާ މުއްދަތަށް ގެއްލުމުގެ ބަދަލު ދިނުމަށް އަމުރުކުރުމުގައި އެ މުވައްޒަފަކަށް ބޭއިންސާފު މުއްސަނދި ކަމެއް ލިބޭ ގޮތަށް އެފަދަ އަމުރެއް ކުރުމަކީ އިންސާފުވެރި ގޮތެއް ނޫންކަމުގައެވެ. ޚާއްސަކޮށް އެ މީހަކު އެހެން ވަޒީފާއެއް އަދާކޮށް ނުވަތަ އެނޫންވެސް ގޮތަކަށް އާމްދަނީ ހޯދަމުން ގެންގޮސްފައިވާނަމަ ނަގައިދޭނެ މުސާރައާއި ޢިނާޔަތްތަކުގެ މިންވަރު ކަނޑައެޅުމުގައި އެކަންކަމަށް ރިޢާޔަތްކުރަންވާނެ ކަމުގައެވެ. އަދި ނަގައިދޭނޭ މިންވަރެއް ކަނޑައެޅުމުގައި އާއްމުކޮށް ދިވެހިރާއްޖޭގައި އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނެ ކަމަށް ޤަބޫލުކުރެވޭ މުއްދަތަށް ވެސް ރިޢާޔަތް ކުރަންވާނެ ކަމަށެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑު ވ. އަސްފާޤު ވަޙީދު ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމުގެ އިތުރުން، އެ މައްސަލައަކީ ފާޅުކަން ބޮޑުގޮތެއްގައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި، އިޖުރާއީ ޢަދުލާއި، މައުޟޫޢީ ޢަދުލު ޤާއިމު ކުރެވިފައި ނުވާކަން ސާބިތުވާހިނދު، ބަދަލުގެ މިންވަރު ވަޒީފާއާބެހޭ ޓްރައިބިއުނަލުންނާއި ޝަރުޢީ ކޯޓުތަކުން ކަނޑައެޅުމުގައި ހުށަހެޅޭ ކޮންމެ މައްސަލަ އެއްގައި އެ މައްސަލައިގެ ޙަޤީޤަތްތަކުގެ މައްޗަށް ބިނާކޮށް ތިރީގައިވާ ކަންކަމަށް ރިޢާޔަތް ކުރެވިދާނެއެވެ. އެ ކަންކަމަކީ:

(ހ) މުވައްޒަފު އަދާކުރި ވަޒީފާގެ ބާވަތް.

(ށ) ވަޒީފާގައި ހޭދަކުރި މުއްދަތު.

(ނ) މުވައްޒަފު ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތް.

(ރ) ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުގެ ބޭއިންސާފު ޢަމަލުތައް ހުރި ގޮތް.

(ބ) ވަޒީފާއިން ވަކިކުރެވުނު ފަރާތުގެ ޢުމުރަށް ރިޢާޔަތްކޮށް އެހެން ވަޒީފާއެއް އަދާކުރެވިދާނެތޯ.

(ޅ) ވަޒީފާއިން ވަކިކުރަންޖެހުނީ އެ މުވައްޒަފެއްގެ ވެސް ކޮންމެވެސް ވަރެއްގެ ނުރަނގަޅު ޙިއްޞާއެއް ނުވަތަ އިޙުމާލެއް އޮވެގެންތޯ.

(ކ) ގެއްލުމުގެ މިންވަރު ކުޑަކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރި ފަރާތުން އެއްވެސް މަސައްކަތެއް ކުރިތޯ. މީގެ ތެރޭގައި އެހެން ވަޒީފާއެއް ހޯދަން އުޅުމާއި އެހެން މަސައްކަތެއްކޮށްގެން އާމްދަނީ ހޯދުމަށް އެއްވެސް މަސައްކަތެއް ކުރިތޯ ބެލިދާނެއެވެ.

(އ) ވަޒީފާއަށް ރުޖޫޢަކުރާ ޙާލަތްތަކުގައި ވަޒީފާއަށް ރުޖޫއަކުރުމަކީ އަސާސީ ޙައްލުކަމާއި އަދި އެ ފަރާތަށް އެ ޙައްލުގެ ލިބިދިނުމުގެ އިތުރުން، ބަދަލު ދިނުމުގެ ސަބަބުން ނުޙައްގު ނުވަތަ ބޭއިންސާފު މުއްސަނދިކަމެއް ލިބޭތޯ.

(ވ) ބަޔާންވެދިޔަ ކަންކަމުގެ މައްޗަށް ރިޢާޔަތް ކުރެވިގެން ބަދަލުގެ މިންވަރު ކަނޑައެޅޭއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުގެ މައްޗަށް އެކަނި ބަލައި ބަދަލުގެ މިންވަރު ހިސާބު ކުރާނީ ތޯ ނުވަތަ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ ޤާނޫނުން ލިބިގެންވާ ޙައްޤެއް ބޭނުން ކުރީތީވެ ކަން ސާބިތުވާ ހިނދު، އިތުރު ބަދަލެއް ވަޒީފާދޭ ފަރާތުން ނަގައިދޭން ޖެހޭތޯ.

ހުށަހެޅިފައިވާ މި މައްސަލައަށް ނަޒަރު ކުރާއިރު، ބޭއިންސާފުން ޢަލީ ވަޙީދު ވަޒީފާއިން ވަކި ކުރުމާ ގުޅިގެން 1 (އެކެއް) އަހަރު ދުވަހުގެ މިންވަރުގެ ބަދަލެއް ހުށަހަޅައިފައިވަނީ، މި ބާވަތުގެ މައްސަލަތަކުގައި ދައުލަތުން ޢަމަލުކުރާ ގޮތްކަމަށް ބަޔާންކޮށް، ބަދަލުގެ މިންވަރު މަޙުދޫދު ކުރަން ކަމަށްވާއިރު، އެ ހުށަހެޅުމަށް އޭނާ އިންކާރު ކުރާ ޙާލަތުގައި، ޤާނޫނު ގައި ބަދަލުގެ މިންވަރު މަޙްދޫދު ކުރެވިފައި ނުވާތީވެ، ޤާނޫނުން ބަދަލުގެ މިންވަރު މަޙުދޫދު ކުރެވިފައިވާ ޤައުމުތަކުގައި ޢަމަލު ކުރާ ފަދައިން، ޢަލީ ވަޙީދަށް ދައުލަތުން ހުށަހެޅުއްވި ގޮތަށް 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް މަޙްދޫދުކޮށް ބަދަލު ނަގައިދެވިދާނެ ކަމަކަށް އަހުރެން ނުދެކެމެވެ.

ދައުލަތުން ހުށަހެޅި ކަންކަމުގެ މައްޗަށް ބިނާކޮށް އިސްތިއުނާފު ކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/80 ޤަޟިއްޔާ އެ ކޯޓުން ޙުކުމްކޮށްފައިވަނީ ޢަލީ ވަޙީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާޢިދާ އެއްގޮތަށް ކަމަށެވެ. ނަމަވެސް، އިސްވެ ދެންނެވިފައިވާ ފަދައިން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މި މައްސަލަ އިސްތިއުނާފު ކުރުމުން، ދައުލަތުން އަލުން އެ މައްސަލަ މުރާޖަޢާކޮށް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވަނީ ޢަލީ ވަޙީދު ވަޒީފާއިން ވަކިކޮށްފައިވަނީ ޤަވާޢިދާ ޚިލާފަށް ކަމަށާއި އަދި އެކަމަށް އިޤްރާރުވާ ކަމަށެވެ. މަދަނީ ޚުޞޫމަތެއްގައި ކޮންމެ މަރުޙަލާއެއްގައިވެސް އެ މައްސަލައެއްގައި ދެކޭގޮތް ބަދަލުވުމުގެ ފުރުޞަތު އޮތުމަކީ އެކަށީގެންވާ ކަމެކެވެ. އަދި މި މައްސަލައިގެ އަސާސް ބިނާވަނީ ވަޒީފާގެ އެއްބަސްވުމަށް ކަމަށްވެފައި، ދެ ފަރާތުން ވަކިގޮތަކަށް ރުހޭ ހިނދު، އެއާ ޚިލާފަށް ޝަރީޢަތުން ގޮތެއް ކަނޑައެޅުމަކީ އިންސާފުވެރިގޮތެއް ކަމަކަށް ނުދެކެމެވެ. އެހެންކަމުން، އަހުރެންނަށް ފެންނަނީ ދިވެހިރާއްޖޭގެ ހައިކޯޓުން އެ ކޯޓުގެ ނަންބަރު 2015/HC-A/80 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ބާތިލުކޮށް، ޢަލީ ވަޙީދު ކުރިން އަދާކުރަމުން ދިޔަ ވަޒީފާއަށް ރުޖޫޢަ ކުރުމަށް އަމުރު ކޮށް، ޢަލީ ވަޙީދުއަށް ބޭއިންއިސާފުން ވަޒީފާއިން ވަކިކުރުމާ ގުޅިގެން ގެއްލުމުގެ ބަދަލު ޙައްޤުވާ ކަމަށް ކަނޑައެޅުމަށެވެ.

ޢަލީ ވަޙީދު ބޭއިންސާފުން ވަޒީފާއިން ވަކިކޮށްފައިވާތީވެ، އެކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އިޚްތިޞާޞް ލިބިގެންވާ ކޯޓަކަށް އެ މައްސަލަ ހުށަހަޅައިފިނަމަ، ގާނޫނާއި މަތީގައި ބަޔާންކުރެވުނު ހަމަތަކަށް ރިޢާޔަތްކޮށް ޢަލީ ވަޙީދަށް ލިބެންވާ ގެއްލުމުގެ މިންވަރު ކަނޑައެޅިދާނެ ކަމަށް އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު

މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާޢީދުކުރަމެވެ.

ޙުކުމް

ދެންފަހެ، ބަޔާންވެދިޔަ ގޮތަށް ޢަލީ ވަޙީދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށް ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައުލަތުން އިޤުރާރުވެފައިވާތީވެ:

(1) ޢަލީ ވަޙީދު ވަޒީފާއިން ވަކިކުރިއިރު މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއަށް ރުޖޫޢަ ކުރުމަށް، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން އަމުރުކުރަމެވެ.

(2) ބޭއިންސާފުން ޢަލީ ވަޙީދު ވާޒީފާއިން ވަކިކޮށްފައިވާތީވެ، ޢަދުލުވެރި ބަދަލު ޙައްޤުވާ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައިފީމެވެ.

(3) މިގޮތަށް، މި މައްސަލަ ނިންމުމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2015/HC-A/80 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމާއި ސިވިލް ކޯޓުގެ ނަންބަރު 498/CV-C/2014 ޤަޟިއްޔާގެ ޙުކުމުގައި ޢަލީ ވަޙީދަށް ބަދަލު ދިނުމާގުޅޭގޮތުން، 25 ނޮވެމްބަރު 2013 އިން ފެށިގެން ވަޒީފާ ރުޖޫޢަ ކުރެވޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރާ އާއި އެންމެހައި ޢިނާޔަތްތައް ނަގައި ދިނުމާ ގުޅޭގޮތުން އޮތްބައި ބާޠިލުކޮށް އެ ޙުކުމުގައި ދެންހުރި ބައިތަކަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ތާއީދުކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދު

މުޙައްމަދު އިބްރާހީމް

ޢަލީ ރަޝީދު ޙުސައިން

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ