މޯލްޑިވްސް ޕޯސްޓް ލިމިޓެޑް ވ. މަރްޔަމް ލީނާ
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/306، 275/VTR/2019
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ވަޒީފާއާބެހޭ ޓްރައިބިއުނަލުން، މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރިކަން ސާބިތުނުވާތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރުގެ ދަށުން ވަޒީފާއަށް ރުޖޫޢަކޮށް، ވަކިކުރި ތާރީޚުން ފެށިގެން މުސާރައާއި ޢިނާޔަތްތައް (ނޯޓިސްގެ ފައިސާ އުނިކޮށް) ދިނުމަށް ނިންމައި، އިތުރުގަޑީގެ ފައިސާގެ ދަޢުވާ ބަލައިނުގަތެވެ. ހައިކޯޓުން އެ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ޞައްޙަ ނިންމުމެއްކަމަށް ކަނޑައެޅިއެވެ.
- ވާޤިޢާ
- އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއަށް ވަދެ ކުޑަ މުއްދަތެއްގެ ތެރޭގައި، ހާޒިރީއާއި އިތުރުގަޑީގެ މަސައްކަތާ ގުޅޭ ދެބަސްވުންތަކާއި ސުލޫކުގެ މައްސަލަތައް ފާހަގަކޮށް ދެ ނަސޭހަތާއި އިންޒާރެއް ދިނުމަށްފަހު، ހިއުމަން ރިސޯސަސް ކޮމިޓީގެ ނިންމުމަކުން އިސްތިއުނާފުކުރާ ކުންފުނިން އޭނާ ވަޒީފާއިން ވަކިކުރިއެވެ. އިންޒާރު ދިނުމަށްފަހު އިޞްލާޙުވުމަށް މުއްދަތެއް ނުދީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަކިކުރުމުން، ޤާނޫނާ ޚިލާފަށް ވަކިކުރިކަމަށް ބުނެ އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މުވައްޒަފު ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދިން ފަރާތުން މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން ސާބިތުކޮށްދެވިފައިވޭތޯއާއި، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި ވަކިކުރި ތާރީޚުން ފެށިގެން ރުޖޫޢަކުރާ ދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ދިނުމަށް ކުރި ނިންމުން ޞައްޙަތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- އިސްތިއުނާފުކުރި ކުންފުނިން ބުނީ ހުށަހެޅި ހެކިތައް ވަޒަންކުރުމުގައި ގޯސްހަދައި ސުޕްރީމް ކޯޓުގެ 2019/SC-A/36 ގެ އުޞޫލާ ޚިލާފަށް މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާކަމަށް ނިންމާފައިވާކަމަށާއި، ބަދަލު ނަގައިދީފައިވަނީ 2019/SC-A/27 ގެ އުޞޫލުތަކާ ޚިލާފަށްކަމަށާއި، އަޚްލާޤީ ސީރިޔަސް މައްސަލަތަކުގެ ސަބަބުން ވަޒީފާއަށް ރުޖޫޢަކުރުމަކީ 2019/SC-A/36 އާއި 2021/SC-A/86 ގެ އުޞޫލުތަކާ ޚިލާފު ކަމެއްކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ވަޒީފާދޭ ފަރާތުން ހުށަހެޅި ނަސޭހަތާއި އިންޒާރާއި ސްޓާފް މެމޯތަކުގައި ހުރީ ވަކި ޙާދިސާއެއް ކަނޑައަޅާ ސާބިތުކުރުމުގެ ބަދަލުގައި ވެރިން ދެކޭގޮތް ކަމަށްވާތީ، ވަކިކުރި ސަބަބު އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރުމުގެ ބުރަ އުފުލިފައި ނުވާކަމަށާއި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ) ގައިވާ ގޮތަށް އިޞްލާޙީ ފިޔަވަޅު އަޅައި އިޞްލާޙުވުމަށް ފުރުޞަތު ދީފައިނުވާކަމަށް ކޯޓުން ކަނޑައެޅިއެވެ. ދެ ފަރާތުގެ ގުޅުމުގެ އިތުބާރު އިޢާދަނުކުރެވޭ މިންވަރަށް ގެއްލިފައިނުވާތީ ރުޖޫޢަކުރުން ދެމެހެއްޓި، ބަދަލުގެ ގޮތުގައި ސުޕްރީމް ކޯޓުން ދަމަހައްޓަމުންދާ 6 މަސްދުވަހުގެ މުސާރައާއި ޢިނާޔަތް ކަނޑައެޅިއެވެ.
ނިންމުން
ބައެއް ބަދަލުކުރިހައިކޯޓުގެ ޙުކުމް ބައެއް ބާޠިލު: ވަކިކުރި ތާރީޚުން ފެށިގެން ރުޖޫޢަކުރާ ދުވަހާ ހަމައަށް މުސާރައާއި ޢިނާޔަތްތައް ދިނުމުގެ ނިންމުން ބާޠިލުކޮށް، ވަޒީފާއަށް ރުޖޫޢަކުރުން ދެމެހެއްޓި، 6 މަސްދުވަހުގެ މުސާރައާއި ޢިނާޔަތާ އެއްވަރުގެ ބަދަލު ކަނޑައެޅި
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޢަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މަތިން ކުރެވޭ ކަމެއްކަން ކަށަވަރުކުރަންވާނެއެވެ. ވަޒީފާއާބެހޭ ޤާނޫނުގައި އެކަށައަޅާފައިވާ އުޞޫލަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި އޮތުމެވެ.
HN2 މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ނުވަތަ ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި ޢަދުލުވެރި ސަބަބެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމަކަށްވުމެވެ. އިޖުރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުމެވެ.
HN3 މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިކަން ސާބިތުކޮށްދިނުމަކީ ވަޒީފާދިން ފަރާތުގެ ޒިންމާއެކެވެ.
HN4 ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާއާއި 27ވަނަ މާއްދާގައި ބަޔާންކުރެވިފައި އެ ވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކުރުމަކީ، އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރުމަށްޓަކައި ފުރިހަމަވާންޖެހޭ، ގުޅި ލާމެހިފައިވާ ދެ ޝަރުތެވެ. އެހެނީ، މުވައްޒަފެއްގެ އުޅުމާއި، ވަޒީފާގެ އަޚްލާޤުގައި ހުރި އުނިކަމެއް ނުވަތަ އޭނާގެ ކިބައިގައި ހުރި ވަޒީފާގެ މަސްއޫލިއްޔަތު ރަނގަޅުގޮތުގައި އަދާކުރުމަށް ހުރަސް އަޅާ ނުރަނގަޅު ސިފައެއް އިޞްލާޙުކުރުމަށްޓަކައި އެޅި ޢަދުލުވެރި، ފިޔަވަޅުތަކެއް، މުވައްޒަފު ވަޒީފާއިން ވަކިކުރި ފަރާތުން ސާބިތުކޮށްދިނުމުން މެނުވީ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ނުބެލެވޭނެއެވެ.
HN5 މުވައްޒަފަކު ވަކި ކަމެއް ކުރިކަމަށް ކުރާ ތުހުމަތަކީ، ނުވަތަ ހަމައެކަނި ބުނާ ބުނުމަކީ، އެ ބުނުން ނުވަތަ އެ ތުހުމަތުތައް ވަޒީފާދޭ ފަރާތުން ސާބިތުކޮށްނުދޭހާ ހިނދަކު އޭގެ މައްޗަށް ބިނާކޮށް މުވައްޒަފު ވަޒީފާއިން ވަކި ކުރެވޭނޭ ކަމެއް ނޫނެވެ. ހަމަ އެހެންމެ، މުވައްޒަފަކާ ގުޅޭގޮތުން ކުރެވޭ ޢާންމު އެސެސްމަންޓުތަކެއްގެ މައްޗަށް ބިނާކޮށް، ވަކި ޢަމަލުތަކެއް ކުރިކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިނުކުރެވޭނެއެވެ. އެހެނީ، އެ ޢަމަލެއްގެ ސަބަބުން މުވައްޒަފު ވަޒީފާއިން ވަކިކުރަންޖެހޭކަމަށް ވަޒީފާދޭ ފަރާތަށް ޤަބޫލުކުރެވޭ ޢަމަލު، ސާބިތުކުރުމަށް އެކަށީގެންވާ ހެކިތަކެއް ހުރެގެން މެނުވީ ވަޒީފާއިން ވަކިކުރި ސަބަބަކީ އިންސާފުވެރި، އަދި ޢަދުލުވެރި ސަބަބެއްކަން ވަޒަން ކުރެވޭނޭ ގޮތެއް ނުއޮންނާނެއެވެ.
HN6 މުވައްޒަފާމެދު ކުރެވޭ ތުހުމަތުތަކަކީ ކޮބައިކަމާއި، އެ ތުހުމަތުތަކުގެ މަޢުލޫމާތު މުވައްޒަފަށް ދިނުމާއެކު، އެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުޞަތެއް ދީ، މުވައްޒަފުގެ ފަރާތުން އިޞްލާޙުކުރަންވީ ކަންތައްތަކާއި، އެ ކަންތައްތައް އިޞްލާޙުކުރުމަށް ދެވޭ މުއްދަތާއި، އެ މުއްދަތުގައި އިޞްލާޙު ނުކޮށްފިނަމަ އެ ފަރާތަކާމެދު ޢަމަލުކުރެވޭނެ ގޮތުގެ ސާފު މަޢުލޫމާތު ދިނުމަކީ އިޖުރާއީގޮތުން ޢަދުލުވެރި ނިންމުމެއް ނިންމުމަށް ކޮންމެހެން ބޭނުންތެރި ކަންތައްތަކެކެވެ.
HN7 ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސް ދިނުމަކާ ނުލައި، ނޯޓިސްގެ ބަދަލުގައި، ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް، މުވައްޒަފަށް ލިބިދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ހަމައަށް އޭނާއަށް ލިބިދެވޭގޮތަށް ވަޒީފާއިން ވަކިކުރުމަކީ ހުއްދަކަމެކެވެ. އެހެން ނަމަވެސް، ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޙާލަތްތައް ފިޔަވައި، އެހެން ޙާލަތްތަކުގައި، ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިނުމަކީ، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތަށް ލާޒިމުކުރާ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުން ރެކެވޭނެ ކަމެއް ނޫނެވެ.
HN8 މުވައްޒަފުންގެ މަސައްކަތު އަޚްލާޤާއި، ވަޒީފާ އަދާކުރާގޮތާއި، މަސައްކަތުގެ ފެންވަރާއި މި ނޫންވެސް މުވައްޒަފާ ގުޅޭގޮތުން އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަނަކުން ލިޔެފައި ހުންނަ ލިޔުންތަކަކީ، އެ މުވައްޒަފަކާ ގުޅޭ މުހިންމު މަޢުލޫމާތުތަކެކެވެ. އަދި އެ މަޢުލޫމާތުތަކަކީ، އޭގެ މައްޗަށް ބިނާކޮށް ވަޒީފާގެ ކުރިއެރުން ދިނުމާއި، ވަޒީފާ ދަށްކުރުމާއި މި ނޫންވެސް އެހެނިހެން ކަންތައްތަކަށް ބޭނުންކުރެވިދާނެ އިތުބާރުހުރި މަސްދަރުތަކެއްކަމުގައި ބަލައިގަންނަންޖެހެއެވެ.
HN9 ވަޒީފާއިން ވަކިކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ބެލެވޭނީ، މުވައްޒަފުގެ ފަރާތުން މަސައްކަތްތަކަށް ބުރޫއަރާ ގޮތަށް ކޮށްފައިވާ ވަކި ޢަމަލެއް ނުވަތަ ޢަމަލުތަކެއް ވަޒީފާދޭ ފަރާތުން ސާބިތުކޮށްދިނުމުންނެވެ.
HN10 ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ހ) ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ރިޢާޔަތްކުރަންވާނީ އޭނާ އަދާކުރާ ވަޒީފާއާ ގުޅޭ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤު ރަނގަޅުކޮށްފައި ނުވުމުގެ މައްޗަށެވެ. ވަކި ޚާއްޞަ ޙާދިސާއެއް ބަޔާންނުކޮށް ނުވަތަ ތިމަންނާގެ އަޚްލާޤުގެ މައްސަލަތަކެއް ހުރިކަމަށް ވެވޭ ޢާންމު އިޤުރާރަކީ އެއަށް ބިނާކޮށް އޭނާ އަދާކުރާ ވަޒީފާއިން ވަކިކުރެވޭނެ އިޤުރާރެއް ނޫނެވެ.
HN11 ޢާންމު ގޮތެއްގައި ވަޒީފާގެ ގުޅުމުގައި ދިމާވާ ޚިލާފުވުންތަކާއި، ޝައްކުތަކާ އެކުވެސް އެ ގުޅުން ދެމެހެއްޓުމުގެ ޤާބިލުކަން ދެ ފަރާތަށް ލިބިގެންވެއެވެ. ދެ ފަރާތުގެ މެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތައް ވަޒަންކޮށްގެންނެވެ.
HN12 ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ ރުޖޫޢަކުރި ތާރީޚާ ހަމަޔަށް ހިނގާފައިވާ މުޅި މުއްދަތުގެ މުސާރައާއި ޢިނާޔަތްތައް ދިނުން ލާޒިމު ނޫނެވެ. ގެއްލުން ކުޑަކުރުމަށް މުވައްޒަފު ކުރިކަމެއް ބަލަންޖެހޭނެއެވެ. ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ އެއްބަސްވުމަކާ ޚިލާފުވީ ފަރާތް ނޫން އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާގެ މައްޗަށް އޮތް މަސްއޫލިއްޔަތެކެވެ. މުވައްޒަފަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ.
HN13 މުވައްޒަފު އެ ދުވަސްތަކުގައި އެހެން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އެހެން ގޮތަކަށް އާމްދަނީ ހޯދާފައިވާނަމަ އެ ކަމަށްވެސް ރިޢާޔަތްކުރަންޖެހޭނެއެވެ. އެ މުއްދަތުގެ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ނަގައިދޭ މިންވަރު ކަނޑައެޅުމުގައި ޢާންމުކޮށް ދިވެހިރާއްޖޭގައި އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނޭކަމަށް ޤަބޫލުކުރެވޭ މުއްދަތަށްވެސް ރިޢާޔަތް ކުރަންޖެހޭނެއެވެ.
HN14 ވަޒީފާ އަނބުރާ ރުޖޫޢަކުރާ ޙާލަތުގައި، 6 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރައަށްވާ ފައިސާ ބަދަލުގެ ގޮތުގައި ނަގައިދިނުމަކީ މި ބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓަމުންދާ ހަމައެކެވެ.
ވަކީލުންނާއި ފަނޑިޔާރުން
- އިސްތިއުނާފުކުރި ފަރާތުގެ ވަކީލުން
- ނަދީމް އިބްރާހީމް، ޝަފީޤް އެންޑް މަސްތޫރު އެލް.އެލް.ޕީ
- ބެންޗު
- ޢަބްދުﷲ ޙަމީދު (ރިޔާސަތު)، ޢަލީ ރަޝީދު ޙުސައިން، ޙުސައިން ޝަހީދު
- ރިޔާސަތު
- ޢަބްދުﷲ ޙަމީދު
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢަލީ ރަޝީދު ޙުސައިން، ޙުސައިން ޝަހީދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު އަބްދުﷲ ޙަމީދުގެ ރައުޔު : (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޙުސައިން ޝަހީދު ތާއީދުކުރައްވާފައި)
ތަޢާރަފު
1މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/306 ޤަޟިއްޔާ އިސްތިއުނާފުކުރުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް (މީގެ ފަހުން "އިސްތިއުނާފުކުރާ ފަރާތް" ނުވަތަ "މޯލްޑިވްސް ޕޯސްޓް" ކަމުގައި އިޝާރާތްކުރެވޭ ފަރާތް) ގެ ފަރާތުން މި ކޯޓަށް ހުށަހެޅުމުން މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މިޤަޟިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ، […] މަރިޔަމް ލީނާ (މީގެ ފަހުން "މަރްޔަމް ލީނާ" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމުގައި އިޝާރާތްކުރެވޭ ފަރާތް) އެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2މަރްޔަމް ލީނާއަކީ، 22 ޖަނަވަރީ 2019 ގައި މޯލްޑިވްސް ޕޯސްޓްގެ މެއިލް އޮފަރޭޝަންސް ޑިވިޜަންގައި އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރެއްގެ ވަޒީފާ އަދާކުރަން ފެށި މީހެކެވެ.
3މަރްޔަމް ލީނާ ވަޒީފާ އަދާކުރަން ފެށިތާ ގާތްގަނޑަކަށް 2 މަހާއި 22 ދުވަސް ފަހުން، 13 އޭޕްރީލް 2019 ވީ ހޮނިހިރު ދުވަހުގެ 9:00 ގައި އޮފީހަށް އައުމަށް މޯލްޑިވްސް ޕޯސްޓްގެ މެއިލް އޮފަރޭޝަންސް ޑިވިޜަނުން މަރްޔަމް ލީނާއަށް އެންގިއެވެ. އެ ދުވަހަކީ ރަސްމީ ބަންދު ދުވަހެކެވެ.
413 އޭޕްރީލް 2019 ގައި އޮފީހަށް އަންނަން މަރްޔަމް ލީނާއަށް އަންގާފައި ވީނަމަވެސް، އޮފީހަށް އާދެވޭނީ ލަހުންކަމަށް ބުނެ އެ ދުވަހުގެ ހެނދުނު 8:58 ގައި މަރްޔަމް ލީނާ މެއިލް އޮފަރޭޝަންސް ޑިވިޜަންގެ ސުޕަވައިޒަރަށް އެންގިއެވެ. މޯލްޑިވްސް ޕޯސްޓުން ބުނާގޮތުގައި އެ ދުވަހުގެ 10:00 ވީއިރުވެސް މަރްޔަމް ލީނާ ވަޒީފާއަށް ހާޒިރުވެފައި ނުވެއެވެ. އެހެންނަމަވެސް، މަރްޔަމް ލީނާ ބުނާގޮތުގައި، އޭނާ އޮފީހަށް ހާޒިރުވެފައި ނުވަނީ، މަސައްކަތަށް އާދެވޭނީ ލަހުންކަމަށް ބުނުމުން، އެ ދުވަހު އޮފީހަށް ހާޒިރުނުވިޔަސް އެންމެ ރަނގަޅުކަމަށް ޔުނިޓްގެ ވެރިޔާ އެންގުމުންނެވެ.
5މިކަމާ ގުޅިގެން، ޖެހިގެން އައި (14 އޭޕްރީލް 2019 ވީ އާދީއްތަ)، ރަސްމީ ދުވަހު ހާޒިރީއަށް ފަރުވާތެރިވުމަށް އަންގައި، މޯލްޑިވްސް ޕޯސްޓުން މަރްޔަމް ލީނާއަށް ފުރަތަމަ ފަހަރަށް ނަސޭހަތް ދިނެވެ.
6އޭގެ ގާތްގަނޑަކަށް 3 މަސް ފަހުން، 17 ޖުލައި 2019 ގައި، ރަސްމީ މަސައްކަތު ގަޑި ނިމުމަށްފަހު އިތުރު 4 ގަޑިއިރު މަރްޔަމް ލީނާ އޮފީހުގައި މަޑުކުރިއެވެ. އެހެން ނަމަވެސް، މި މަޑުކުރުމަށް މޯލްޑިވްސް ޕޯސްޓުން މަރްޔަމް ލީނާއަށް އިތުރުގަޑީގެ ފައިސާ ދީފައިނުވެއެވެ. އެއީ ގަވާއިދާ ޚިލާފަށް މަރްޔަމް ލީނާ އޮފީހުގައި މަޑުކުރި ކުރުމެއްކަމަށް ބަޔާންކޮށެވެ.
7އޭގެ ފަހުން، 19 އޮގަސްޓް 2019 އަދި 20 އޮގަސްޓް 2019 ގެ މަސައްކަތު ގަޑި ނިމުމަށްފަހު އިތުރުގަޑީގެ މަސައްކަތަށް އޮފީހުގައި މަޑުކުރުމަށް މަރްޔަމް ލީނާއަށް މެއިލް އޮފަރޭޝަންސް ޑިވިޜަނުން އެންގިއެވެ. މޯލްޑިވްސް ޕޯސްޓުން ބުނާގޮތުގައި، އެ ގޮތަށް މަރްޔަމް ލީނާއަށް އެންގީ އެ ދުވަހު ނިންމަންޖެހޭ މަސައްކަތްތައް ގިނަވުމުންނެވެ. އެހެން ނަމަވެސް، މަރްޔަމް ލީނާވަނީ ސުޕަވައިޒަރުގެ އިރުޝާދަށް އިޖާބަނުދީ ރަސްމީ ގަޑި ނިމުމުން 16:00 ގައި އޮފީހުން ގޮސްފައެވެ. މަރްޔަމް ލީނާ ބުނާގޮތުގައި އޭނާ އެ ގޮތަށް ޢަމަލުކޮށްފައިވަނީ 17 ޖުލައި 2019 ގައި އޭނާ ކުރި މަސައްކަތަށް ޙައްޤުވާކަމަށް އޭނާ ބުނާ އިތުރުގަޑީގެ ފައިސާ ނުދޭން ކުންފުނިން ނިންމާފައިވާތީއެވެ. އެ ކަމާ ގުޅިގެން 21 އޮގަސްޓް 2019 ގައި މޯލްޑިވްސް ޕޯސްޓުން މަރްޔަމް ލީނާއަށް ދެވަނަ ފަހަރަށް ނަސޭހަތް ދިނެވެ.
8ދެވަނަ ފަހަރަށް މަރްޔަމް ލީނާއަށް ނަސޭހަތް ދިނުމުގެ 5 ދުވަސް ފަހުން، 26 އޮގަސްޓް 2019 ގައި، މޯލްޑިވްސް ޕޯސްޓުން މަރްޔަމް ލީނާއަށް އިތުރު އިންޒާރެއް ދިނެވެ. އެ އިންޒާރުގައި މައިގަނޑު ގޮތެއްގައި ބުނެފައިވަނީ މަރްޔަމް ލީނާ އެކަށީގެންވާ ފެންވަރަކަށް ވަޒީފާ އަދާނުކުރާކަމަށާއި، 17 ޖުލައި 2019 ގައި އޮފީހުގައި އިތުރުގަޑީގައި އުޅެފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށާއި، އަދި އެ ދުވަހުގެ އިތުރުގަޑީގެ ފައިސާ ލިބެން ޖެހޭކަމަށް ބުނެ ޝަކުވާ އުފުލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، މުވައްޒަފުންނާއި ވެރިންގެ ކުރިމަތީގައި އަޑުގަދަކޮށް ޖަދަލުކުރުމަކީ ”ސުލޫކީ ގޮތުން ވަރަށް ދަށުދަރަޖައިގެ ވެއްޓުމެއް“ ކަމަށާއި، އެ ފަދަ ސުލޫކީ ޢަމަލުތަކާމެދު ސީރިޔަސް ފިޔަވަޅު އަޅާނެ ކަމަށާއި، އެހެންކަމުން މިކަންކަމަށް ހެޔޮ ބަދަލު ގެނެސް، އަޚްލާޤާއި ސުލޫކު ރަނގަޅުކޮށް އިޞްލާޙުކުރުމާއެކު، އިތުބާރު ހިފޭފަދަ މުވައްޒަފެއްގެ ގޮތުގައި ދެމިހުރުމަށް އިލްތިމާސްކުރާކަމަށެވެ.
9އެ އިންޒާރުގައި ސޮއިކުރުމަށް މަރްޔަމް ލީނާ އިންކާރުކުރިއެވެ. އަދި، އިންޒާރުގައި ބަޔާންކޮށްފައިހުރި ހުރިހާ ކަމަކަށް އެއްބަސް ނުވާކަމަށާއި ނަމަވެސް، އޭނާގެ ”ބިހޭވިއަރ“ ގެ މައްސަލަތަކަށް އެއްބަސްވާކަމަށް ލިޔުމަށްފަހު ވަކި ކަރުދާހެއްގައި މަރްޔަމް ލީނާ ސޮއިކުރިއެވެ.
10އިސްވެ ބުނެވުނު އިންޒާރުދިނުމުގެ އިތުރުން، 26 އޮގަސްޓް 2019 ގައި މެއިލް އޮޕަރޭޝަންސް ޑިވިޜަނުން މޯލްޑިވްސް ޕޯސްޓްގެ ހިއުމަން ރިސޯސް ސެކްޝަނަށް، މަރްޔަމް ލީނާއާ ގުޅޭގޮތުން ”ސްޓާފް މެމޯ“ އެއް ފޮނުވާފައިވެއެވެ. އެ މެމޯގައި ބުނެފައިވަނީ، 21 އޮގަސްޓް 2019 ގެ ފަހުން، ތަނުގެ މަޞްލަޙަތު ގެއްލޭ ފަދަ ބައެއް ކަންތައް މަރްޔަމް ލީނާގެ ފަރާތުން ފެންނަމުން ދާކަމަށާއި، އެ ކަން ހިއުމަން ރިސޯސް ސެކްޝަނުގެ ސަމާލުކަމަށް ގެންނަކަމަށެވެ. އަދި ހަމަ އެހެންމެ، މެއިލް އޮޕަރޭޝަންސްއަކީ އާ ސްޓާފުން ވަރަށް ގިނަ ތަނަކަށް ވާއިރު މިފަދަ ކަންތައްތަކުގެ ސަބަބުން އެ ފަދަ ސްޓާފުންނަށް ނޭދެވޭ އަސަރުކުރުމާއި، އަދި އޭގެ ސަބަބުން ތަނުގެ މަޞްލަޙަތު ގެއްލެމުންދާކަމަށާއި، މަރްޔަމް ލީނާ ފަދަ މުވައްޒަފަކު މެއިލް އޮފަރޭޝަން ޑިވިޜަނުގައި ގެންގުޅުމަކީ ދަތިކަމެއްކަމުގައެވެ.
11އޭގެ ފަހުން، 02 ސެޕްޓެންބަރު 2019 ވީ ހޯމަ ދުވަހު މަސައްކަތް ނިމޭނީ 17:00 ގައި ކަމަށް ސެކްޝަނުގައި ހުންނަ ބޯޑުގައި ޖަހާފައިވަނިކޮށް، 16:00 ގައި ގެއަށް ދާނެކަމަށް 15:50 ގައި ސެކްޝަނުގެ ސުޕަވައިޒަރުގެ ގާތުގައި ލީނާ ބުނިކަމަށާއި ނަމަވެސް، މަސައްކަތް ނިމޭނީ 17:00 ގައި ކަމަށް ވާތީ، އަވަހަށް ގެއަށް ދާން ބޭނުންނަމަ އެކަން ކުރިއާލާ ބުނަން ޖެހޭނެކަމަށް ސުޕަވައިޒަރު އެންގުމުން، ”ޕޮލާރިސް“ ގައި އޮންނަނީ 16:00 ގައި ނިމޭނެ ކަމަށް، ކަމަށާއި، އެހެންވީމަ ކުރިން ބުނަން ނުޖެހޭނެ ކަމަށް ބުނެ ސުޕަވައިޒަރަށް މަރްޔަމް ލީނާ ރައްދު ދިންކަމަށް މޯލްޑިވްސް ޕޯސްޓުގެ ސްޓާފް މެމޯގައި ބަޔާންކޮށްފައިވެއެވެ.
1203 ސެޕްޓެންބަރު 2019 ގައި، މެއިލް އޮޕަރޭޝަންސް ޑިވިޜަނުން މަރްޔަމް ލީނާގެ މައްސަލަ މޯލްޑިވްސް ޕޯސްޓްގެ ހިއުމަން ރިސޯސަސް ޑިޕާޓްމަންޓަށް ހުށަހެޅިއެވެ. މި ހުށަހެޅުމުގައި ބުނެފައިވަނީ، މޯލްޑިވްސް ޕޯސްޓުން މުވައްޒަފުން ލައްވާ ގަވާއިދާ ޚިލާފަށް މަސައްކަތްކުރުވަނީ ކަމަށްބުނެ، އެ ކުންފުންޏަށް އަލަށް ވަންނަ މުވައްޒަފުންގެ ހިތުގައި ތަނުގެ ވެރިންނާމެދު ނަފްރަތު އުފެއްދުމަށް މަރްޔަމް ލީނާ މަސައްކަތްކުރާކަން ފާހަގަކުރެވޭކަމަށެވެ. އަދި ހަމަ އެހެންމެ، މެއިލް އޮޕަރޭޝަނަކީ އާ ސްޓާފުން ވަރަށް ގިނަ ތަނެއްކަމަށާއި، މަރްޔަމް ލީނާގެ ޢަމަލުތަކުގެ ސަބަބުން އެ ފަދަ މުވައްޒަފުންނަށް ނޭދެވޭ އަސަރުކުރުމާއި އަދި އޭގެ ސަބަބުން ތަނުގެ މަޞްލަޙަތު ގެއްލެމުން ދާތީ މިފަދަ މުވައްޒަފަކު މެއިލް އޮޕަރޭޝަން ޑިވިޜަނުގައި ގެންގުޅުމަކީ ދަތިކަމެއް ކަމަށެވެ.
13މެއިލް އޮޕަރޭޝަން ޑިވިޜަނުން ހިއުމަން ރިސޯސަސް ސެކްޝަނަށް ހުށަހެޅި މި ހުށަހެޅުމާ ގުޅިގެން، 03 ސެޕްޓެންބަރު 2019 ގައި މަރްޔަމް ލީނާ އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ކުންފުނީގައި ގާއިމުކުރެވިފައިވާ ހިއުމަން ރިސޯސަސް ކޮމިޓީގައި މަޝްވަރާކުރެވި، މަރްޔަމް ލީނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ މޯލްޑިވްސް ޕޯސްޓަށް އިތުރު ގެއްލުންތަކާ ކުރިމަތިލާން ޖެހޭނެ ކަމެއްކަމަށް ބަލައި، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމަށް ނިންމިއެވެ. މި ނިންމުން ނިންމުމުގައި ހިއުމަން ރިސޯސަސް ކޮމިޓީން ރިޢާޔަތްކޮށްފައިވަނީ 2019ވަނަ އަހަރުގެ އެޕްރީލް މަހުން ފެށިގެން އޮގަސްޓް މަހުގެ ނިޔަލަށް މަރްޔަމް ލީނާގެ ޕާފޯމަންސް އާއި މަސައްކަތު އަޚްލާޤަށް ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައިވެއެވެ.
14މޯލްޑިވްސް ޕޯސްޓްގެ ހިއުމަން ރިސޯސަސް ކޮމިޓީގެ މި ނިންމުމާ ގުޅިގެން 5 ސެޕްޓެންބަރު 2019 ގައި، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރިއެވެ. ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި ބަޔާންކޮށްފައިވަނީ މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ ”ވަޒީފާއާބެހޭ ޤާނޫނާއި ކުންފުނީގެ ގަވާއިދާއި ވަޒީފާގެ އެއްބަސްވުމުން ކުންފުންޏަށް ލިބިދޭ އިޚްތިޔާރުގެ ދަށުން“ ކަމަށެވެ.
15މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް، ވަޒީފާއިން މުވައްޒަފަކު ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކުރުމެއްނެތި ކަމަށް ބަޔާންކޮށް، މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމަށް ކަނޑައަޅައިދިނުމަށާއި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީ، ވަޒީފާއިން ވަކިކުރި މުއްދަތަށްވާ މުސާރައާއި، ޢިނާޔަތްތަކާއި، މަރްޔަމް ލީނާއަށް ލިބުނު ގެއްލުމުގެ ބަދަލު ނަގައިދިނުމަށާއި، އިތުރުގަޑީގައި ކޮށްފައިވާ މަސައްކަތުގެ ފައިސާ މޯލްޑިވްސް ޕޯސްޓުގެ ކިބައިން ނަގައިދިނުމަށް އެދި 08 ޑިސެންބަރު 2019 ގައި މަރްޔަމް ލީނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިވަނީ އެ ޓްރައިބިއުނަލުގެ ނަންބަރު 275/VTR/2019 މައްސަލައިންނެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން:
16މަރްޔަމް ލީނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައި ނިންމާފައިވަނީ، މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު)ގެ 21ވަނަ މާއްދާގެ ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްފަހުގައިކަން މައްސަލަ ރައްދުވި ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީ، މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށް ކަމަށް ކަނޑައަޅައި، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29ވަނަ މާއްދާގެ (ހ) ގެ 1ވަނަ ނަންބަރުގެ ދަށުން މަރްޔަމް ލީނާ އަދާކުރަމުންދިޔަ މަޤާމަށް އެ ފަރާތް އަނބުރާ ރުޖޫޢަކުރުމަށާއި މަރްޔަމް ލީނާއަކީ އެއްވެސް ޙާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއްކަމުގައި ނުބެލުމަށާއި، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން، އެ ފަރާތުގެ ވަޒީފާގެ ކަންތައްތައް އަލުން ހަމަޖެހޭ ތާރީޚާ ހަމައަށް، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރިއިރު އަދާކުރި މަޤާމުގެ މުސާރައާއި ޢިނާޔަތްތަކަށްވާ ފައިސާއިން މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރިއިރުގައި ނޯޓިސްގެ މުއްދަތަށް ދިން ފައިސާ އުނިކުރުމަށްފަހު ޖެހޭ އަދަދަކީ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުން މަރްޔަމް ލީނާއަށް ދޭންޖެހޭ ފައިސާއެއް ކަމަށް ކަނޑައަޅައި، މަރްޔަމް ލީނާ 17 ޖުލައި 2019 ގައި އިތުރު ގަޑީގެ މަސައްކަތްކުރި 04 (ހަތަރެއް) ގަޑިއިރަށްވާ ފައިސާ ނަގައިދިނުމަށް އެދިފައިވީނަމަވެސް، މަރްޔަމް ލީނާ އިތުރު ގަޑީގައި މަސައްކަތްކޮށްފައިވާކަން އެ ފަރާތަށް ސާބިތުކޮށްދެވިފައި ނުވާތީ، އިތުރު ގަޑީގެ ފައިސާގެ ގޮތުގައި ނަގައިދިނުމަށް އެދިފައިވާ ފައިސާ ނަގައިދެވޭނެ ހަމައެއް ނެތްކަމަށް ކަނޑައަޅައި، އިސްވެ ބަޔާންކުރެވުނު އެންމެހައި ކަންކަން 29 އޮގަސްޓް 2021 އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ތަންފީޒުކުރުމަށްފަހު އެ ކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންގާ އަމުރުކޮށެވެ.
ހައިކޯޓު މަރުޙަލާ
17ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމި މައްސަލަ މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ ގޮތުން އެ މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ ޚިލާފަށްކަމަށް ބުނެ 04 (ހަތަރެއް) ނުކުތާ މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވެއެވެ. އެ ނުކުތާތަކަކީ،
17.1 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 275/VTR/2019 މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/40 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާއި ދިވެހިރާއްޖޭގައި އިސްތިޤްރާރުވެފައިވާ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
17.2 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 275/VTR/2019 މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާކަމަށް ކަނޑައަޅާފައިވަނީ، މައްސަލައާ ގުޅިގެން ހުށަހެޅިފައިވާ ހެއްކަށް ރިޢާޔަތްނުކޮށް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
17.3 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 275/VTR/2019 މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގައިދީފައިވަނީ، ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ޢަމަލުކުރަންޖެހޭ ހަމަތައް ބަޔާންކޮށްފައިވާ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
17.4 ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 275/VTR/2019 މައްސަލައިގައި، ވަޒީފާއަށް އަނބުރާ ރުޖޫޢަކޮށްދިނުމަށް ޓްރައިބިއުނަލުން ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.
18މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ހައިކޯޓަށް ހުށަހެޅި މި އިސްތިއުނާފާ ގުޅިގެން އެ ކޯޓުގެ ނަންބަރު 2021/HC-A/306 ޤަޟިއްޔާގައި ނިންމާފައިވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނަންބަރު 275/VTR/2019 މައްސަލައިގެ ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ އެއީ ޞައްޙަ ނިންމުމެއްކަމަށް ކަނޑައަޅައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުނު އިސްތިއުނާފީ ނުކުތާތައް.
19ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/306 ޤަޟިއްޔާގެ ނިންމުން މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ. އެ ނިންމުން ޤާނޫނީ އުޞޫލުތަކާ ޚިލާފުވާކަމަށް ބުނެ މޯލްޑިވްސް ޕޯސްޓުގެ ފަރާތުން އިސްތިއުނާފީ 3 ނުކުތާއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވެއެވެ. އެނުކުތާތަކަކީ:
19.1 މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިނުވާކަމަށް ހައިކޯޓުގެ ނަންބަރު 2021/HC-A/306 ޤަޟއްޔާގައި ނިންމާފައިވަނީ، މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވާކަން ސާބިތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާއިރު، އެ ހެކިތައް ވަޒަންކުރުމުގައި ގޯސް ހަދައި، އަދި އެ ހެކިތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއްނެތި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ސާބިތުކުރުމާގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
19.2 މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމުން ނަގައިދޭން އެދިފައިވާ ބަދަލު ނަގައިދިނުމަށް ހައިކޯޓުގެ ނަންބަރު 2021/HC-A/306 ޤަޟިއްޔާއިން ތާއީދުކޮށްފައިވަނީ، އެ ފަދަ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރަންޖެހޭކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
19.3 މަރްޔަމް ލީނާ މޯލްޑިވްސް ޕޯސްޓްގައި އަދާކުރަމުންދިޔަ ވަޒީފާ ރުޖޫޢަކުރުމަށް ހައިކޯޓުގެ ނަންބަރު 2021/HC-A/306 ޤަޟިއްޔާއިން ތާއީދުކޮށްފައިވަނި، ވަޒީފާ ރުޖޫޢަކުރުމުގައި ބަލަންޖެހޭކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާއާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/86 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ ހުށަހެޅި ނުކުތާ.
20ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/306 ޤަޟިއްޔާގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމަށް އެދި މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށް ވަކިވަކިން ބަލައިލާނަމެވެ.
މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން
21ސުޕްރީމް ކޯޓަށް މޯލްޑިވްސް ޕޯސްޓުން ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގައި ސުވާލު އުފައްދާފައިވަނީ މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިނުވާކަމަށް ހައިކޯޓުން ނިންމާފައިވަނީ، މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައިވާކަން ސާބިތުކުރެވޭ ވަރަށް ހެކި ހުށަހަޅާފައިވާއިރު، އެ ހެކިތައް ވަޒަންކުރުމުގައި ގޯސް ހަދައި، އަދި އެ ހެކިތަކަށް ރަނގަޅަށް ރިޢާޔަތްކުރުމެއްނެތި މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ސާބިތުކުރުމާގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު) ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލާ ޚިލާފަށް ކަމުގެ މައްޗަށެވެ.
22HN1މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަކީ ޢަދުލުވެރިކަމާއެކު އެކަށީގެންވާ ހަމަތަކެއްގެ މަތިން ކުރެވޭ ކަމެއްކަން ކަށަވަރުކުރަންވާނެއެވެ. ވަޒީފާއާބެހޭ ޤާނޫނުގައި އެކަށައަޅާފައިވާ އުޞޫލަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި އޮތުމެވެ.
23HN2HN3މައުޟޫޢީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ ނުވަތަ ވަކިކުރަން ނިންމި ސަބަބަކީ އެކަށީގެންވާ އަދި ޢަދުލުވެރި ސަބަބެއްގެ މައްޗަށް ބިނާކޮށްފައިވާ ނިންމުމަކަށްވުމެވެ. އިޖުރާއީ ޢަދުލުވެރިކަމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުރިހަމަކޮށްފައިވާ އިޖުރާއަތަކީ ޢަދުލުވެރި އިޖުރާއަތަކަށްވުމެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަމާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިކަން ސާބިތުކޮށްދިނުމަކީ ވަޒީފާދިން ފަރާތުގެ ޒިންމާއެކެވެ.
24ވަޒީފާއާބެހޭ ޤާނޫނުގެ 27ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ: ”މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި، އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ. އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ، އެކަށީގެންވާ ސަބަބެއް ކަމުގައި ވަޒީފާދޭ ފަރާތަށް ސާބިތުކޮށް ނުދެވިއްޖެނަމަ، އޭނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައި ބެލެވޭނެއެވެ.“ މިފަދައިންނެވެ.
25އަދި، ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވަނީ: ”މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤާއި ނުވަތަ އޭނާ ވަޒީފާއަދާކުރާ ތަން ރަނގަޅު ގޮތުގައި ހިންގުމާ ގުޅިފައިވާ އޭނާގެ ޒިންމާ އަދާނުކުރާކަމުގެ އެކަށީގެންވާ ސަބަބަކާ ލައިގެން މެނުވީ، ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކު، އޭނާގެ ވަޒީފާއިން ވަކިކޮށްގެން ނުވާނެއެވެ.“ މިފަދައިންނެވެ.
26HN4ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާއާއި 27ވަނަ މާއްދާގައި ބަޔާންކުރެވިފައި އެ ވަނީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރި ކުރުމަކީ، އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރުމަށްޓަކައި ފުރިހަމަވާންޖެހޭ، ގުޅި ލާމެހިފައިވާ ދެ ޝަރުތެވެ. އެހެނީ، މުވައްޒަފެއްގެ އުޅުމާއި، ވަޒީފާގެ އަޚްލާޤުގައި ހުރި އުނިކަމެއް ނުވަތަ އޭނާގެ ކިބައިގައި ހުރި ވަޒީފާގެ މަސްއޫލިއްޔަތު ރަނގަޅުގޮތުގައި އަދާކުރުމަށް ހުރަސް އަޅާ ނުރަނގަޅު ސިފައެއް އިޞްލާޙުކުރުމަށްޓަކައި އެޅި ޢަދުލުވެރި، ފިޔަވަޅުތަކެއް، މުވައްޒަފު ވަޒީފާއިން ވަކިކުރި ފަރާތުން ސާބިތުކޮށްދިނުމުން މެނުވީ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައި ނުބެލެވޭނެއެވެ.
27ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު) ޤަޟިއްޔާއިން ވެސް ބާރުދެނީ މި މާނަކުރުމަށެވެ. ސުޕްރީމް ކޯޓުގެ އެ ޤަޟިއްޔާގައި ބެލުނު އިސްތިއުނާފީ މައްސަލައިގައި ހިމެނޭ ވަޒީފާ ދިންފަރާތަށް އެ މައްސަލައިގައި ހިމެނޭ ވަޒީފާއިން ވަކިކުރި މުވައްޒަފުގެ މައްޗަށް ތުހުމަތުކުރި ކަންތައްތައް ސާބިތުކޮށްދެވިފައިނުވުމުގެ ސަބަބުން ސުޕްރީމް ކޯޓުން ނިންމީ އެ ތުހުމަތާ ގުޅުވައިގެން އެ ފަރާތް ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާކަމަށެވެ.
28HN5އެހެންކަމުން، މުވައްޒަފަކު ވަކި ކަމެއް ކުރިކަމަށް ކުރާ ތުހުމަތަކީ، ނުވަތަ ހަމައެކަނި ބުނާ ބުނުމަކީ، އެ ބުނުން ނުވަތަ އެ ތުހުމަތުތައް ވަޒީފާދޭ ފަރާތުން ސާބިތުކޮށްނުދޭހާ ހިނދަކު އޭގެ މައްޗަށް ބިނާކޮށް މުވައްޒަފު ވަޒީފާއިން ވަކި ކުރެވޭނޭ ކަމެއް ނޫނެވެ. ހަމަ އެހެންމެ، މުވައްޒަފަކާ ގުޅޭގޮތުން ކުރެވޭ ޢާންމު އެސެސްމަންޓުތަކެއްގެ މައްޗަށް ބިނާކޮށް، ވަކި ޢަމަލުތަކެއް ކުރިކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިނުކުރެވޭނެއެވެ. އެހެނީ، އެ ޢަމަލެއްގެ ސަބަބުން މުވައްޒަފު ވަޒީފާއިން ވަކިކުރަންޖެހޭކަމަށް ވަޒީފާދޭ ފަރާތަށް ޤަބޫލުކުރެވޭ ޢަމަލު، ސާބިތުކުރުމަށް އެކަށީގެންވާ ހެކިތަކެއް ހުރެގެން މެނުވީ ވަޒީފާއިން ވަކިކުރި ސަބަބަކީ އިންސާފުވެރި، އަދި ޢަދުލުވެރި ސަބަބެއްކަން ވަޒަން ކުރެވޭނޭ ގޮތެއް ނުއޮންނާނެއެވެ.
29HN6ހަމަ އެއާއެކު، މުވައްޒަފާމެދު ކުރެވޭ ތުހުމަތުތަކަކީ ކޮބައިކަމާއި، އެ ތުހުމަތުތަކުގެ މަޢުލޫމާތު މުވައްޒަފަށް ދިނުމާއެކު، އެ ތުހުމަތުތަކަށް ޖަވާބުދާރީވުމަށް އެކަށީގެންވާ ފުރުޞަތެއް ދީ، މުވައްޒަފުގެ ފަރާތުން އިޞްލާޙުކުރަންވީ ކަންތައްތަކާއި، އެ ކަންތައްތައް އިޞްލާޙުކުރުމަށް ދެވޭ މުއްދަތާއި، އެ މުއްދަތުގައި އިޞްލާޙު ނުކޮށްފިނަމަ އެ ފަރާތަކާމެދު ޢަމަލުކުރެވޭނެ ގޮތުގެ ސާފު މަޢުލޫމާތު ދިނުމަކީ އިޖުރާއީގޮތުން ޢަދުލުވެރި ނިންމުމެއް ނިންމުމަށް ކޮންމެހެން ބޭނުންތެރި ކަންތައްތަކެކެވެ.
30HN7ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިސް ދިނުމަކާ ނުލައި، ނޯޓިސްގެ ބަދަލުގައި، ނޯޓިސްގެ މުއްދަތު ފެށޭ ދުވަހުން ފެށިގެން ނޯޓިސްގެ މުއްދަތު ނިމޭ ދުވަހާ ހަމައަށް، މުވައްޒަފަށް ލިބިދޭންޖެހޭ މުސާރައާއި ޢިނާޔަތްތައް ހަމައަށް އޭނާއަށް ލިބިދެވޭގޮތަށް ވަޒީފާއިން ވަކިކުރުމަކީ ހުއްދަކަމެކެވެ. އެހެން ނަމަވެސް، ނޯޓިސް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭނެކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 23ވަނަ މާއްދާގައި ބަޔާންކުރެވިފައިވާ ޙާލަތްތައް ފިޔަވައި، އެހެން ޙާލަތްތަކުގައި، ނޯޓިސްގެ މުއްދަތަށްވާ ފައިސާ ދިނުމަކީ، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތަށް ލާޒިމުކުރާ މައުޟޫޢީ އަދި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުން ރެކެވޭނެ ކަމެއް ނޫނެވެ.
31މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަން ސާބިތުކުރުމުގެ ގޮތުން މަރްޔަމް ލީނާގެ އަޚްލާޤާއި ސުލޫކު ހުރިގޮތުގެ ވާހަކަ މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ވަޒީފާއާ ބެހޭ ޓްރައިބިއުނަލުގައި ދައްކާފައިވެއެވެ. އަދި އެ ކަން ސާބިތުކުރުމަށް މަރްޔަމް ލީނާއާ ދެކޮޅަށް ހެކިތަކެއް ހުށަހަޅާފައިވެއެވެ. އެގޮތުން، 2019ވަނަ އަހަރުގެ އޭޕްރީލް މަހު ވަޒީފާއަށް ހާޒިރުވާން އެންގުމުން ވަޒީފާއަށް ހާޒިރު ނުވުމާއި، 19 އަދި 20 އޮގަސްޓު 2019 ގައި، އޮފީހުގެ މަސައްކަތްތައް ވަރަށް ބުރަވެފައިވަނިކޮށް، އަދި އިތުރު ގަޑީގައި މަސައްކަތްކުރަން މަޑުކުރަން އަންގާފައިވަނިކޮށް ގެއަށް ދިޔުމާއި، އިތުރު ގަޑީގެ ފައިސާ ނުލިބޭނަމަ 16:00 ގައި ގެއަށް ދާނެކަމަށް މަރްޔަމް ލީނާ ބުނި ބުނުމާއި، އެހެން މުވައްޒަފުންގެ ގާތުގައި މަރްޔަމް ލީނާ ކުންފުނީގެ ވެރިންނާމެދު ދައްކާފައިވާ ވާހަކަތަކެއްގެ ވާހަކަ މޯލްޑިވްސް ޕޯސްޓުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ދައްކާފައިވެއެވެ. މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރި ސަބަބު ދެއްކުމުގެ ގޮތުން މޯލްޑިވްސް ޕޯސްޓުން އެ ހާދިސާތައް ފާހަގަކުރެއެވެ.
32އެ ހާދިސާތަކާ ގުޅިގެން މަރްޔަމް ލީނާއާމެދު މޯލްޑިވްސް ޕޯސްޓުން ކުރާ ތުހުމަތުތައް ސާބިތުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައިގަނޑު ހެކިތަކަކީ، މަރްޔަމް ލީނާއަށް ނަސޭހަތް ދިންކަމުގެ ލިޔުންތަކާއި، މަރްޔަމް ލީނާއަށް އިންޒާރުދިން ލިޔުމާއި، މަރްޔަމް ލީނާގެ އަޚުލާޤާއި ސުލޫކާ ގުޅޭ ވާހަކަތައް ލިޔެވިފައި ހުރި މޯލްޑިވްސް ޕޯސްޓްގެ އެތެރޭގެ ސްޓާފް މެމޯތަކެކެވެ. މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެ ލިޔުންތަކުގައި ލިޔެވިފައިހުރި ވާހަކަތަކުގެ މައްޗަށް ރިޢާޔަތް ކޮށްގެންކަން ފާހަގަކުރެވެއެވެ.
33މި މައްސަލައިގައި މޯލްޑިވްސް ޕޯސްޓުން ހުށަހަޅާފައިވާ މައިގަނޑު ލިޔުންތަކަކީ:
ހ. މޯލްޑިވްސް ޕޯސްޓްގެ ނަންބަރު MOD-SM/2019/42 "ސްޓާފް މެމޯ" (21 އޮގަސްޓް 2019)
ށ. މޯލްޑިވްސް ޕޯސްޓްގެ ނަންބަރު MOD-SM/2019/43 "ސްޓާފް މެމޯ" (26 އޮގަސްޓް 2019)
ނ. މޯލްޑިވްސް ޕޯސްޓް ލިމިޓެޑުގެ "މައްސަލައިގެ ރިޕޯޓް" (26 އޮގަސްޓް 2019)
ރ. މޯލްޑިވްސް ޕޯސްޓްގެ ނަންބަރު MOD-SM/2019/46 "ސްޓާފް މެމޯ" (03 ސެޕްޓެންބަރު 2019)
ބ. މޯލްޑިވްސް ޕޯސްޓުން 26 އޮގަސްޓް 2019 ގައި މަރްޔަމް ލީނާއަށް ދީފައިވާ "ހިއުމަން ރިސޯސް އެނޑް ޓްރެއިނިން ޑިޕާޓްމަންޓް - މުވައްޒަފުންނަށް ދެވޭ ނަސޭހަތާއި އިންޒާރު"
ޅ. މޯލްޑިވްސް ޕޯސްޓުން 26 އޮގަސްޓް 2019 ގައި މަރްޔަމް ލީނާއަށް ދިން އިންޒާރާއެކު ފައިލް ކުރެވިފައިވާ، "ބިހޭވިއަރގެ މައްސަލަ އުޅޭކަމަށް އެއްބަސްވަމެވެ." މިގޮތަށް މަރްޔަމް ލީނާ ލިޔެ ސޮއިކޮށް، އިނގިލީގެ ނިޝާން ޖަހާފައިވާ އިތުރު ކަރުދާސް.
34HN8މުވައްޒަފުންގެ މަސައްކަތު އަޚްލާޤާއި، ވަޒީފާ އަދާކުރާގޮތާއި، މަސައްކަތުގެ ފެންވަރާއި މި ނޫންވެސް މުވައްޒަފާ ގުޅޭގޮތުން އެ މުވައްޒަފަކު ވަޒީފާ އަދާކުރާ ތަނަކުން ލިޔެފައި ހުންނަ ލިޔުންތަކަކީ، އެ މުވައްޒަފަކާ ގުޅޭ މުހިންމު މަޢުލޫމާތުތަކެކެވެ. އަދި އެ މަޢުލޫމާތުތަކަކީ، އޭގެ މައްޗަށް ބިނާކޮށް ވަޒީފާގެ ކުރިއެރުން ދިނުމާއި، ވަޒީފާ ދަށްކުރުމާއި މި ނޫންވެސް އެހެނިހެން ކަންތައްތަކަށް ބޭނުންކުރެވިދާނެ އިތުބާރުހުރި މަސްދަރުތަކެއްކަމުގައި ބަލައިގަންނަންޖެހެއެވެ. އެހެންކަމުން، މި މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޯސްޓުން ދައްކާ ވާހަކަތަކަށް މި ލިޔުންތަކުގެ ސަބަބުން ކޮންމެވެސް ވަރެއްގެ ބަރުދަނެއް ލިބެއެވެ. ނަމަވެސް މޯލްޑިވްސް ޕޯސްޓުން ހެކީގެ ގޮތުގައި ހުށަހަޅާފައި މިވާ ލިޔުންތަކަކީ، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރި ސަބަބުތައް ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނާ ސަބަބުތައް ސާބިތުކުރުމަށް ކިހާވަރެއްގެ ބަރުދަނެއް ދެވިދާނެ ހެކިތަކެއް ކަމާމެދު ސުވާލު އުފެދެއެވެ.
35މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށްކަން ސާބިތުކުރުމުގެ ގޮތުން މޯލްޑިވްސް ޕޯސްޓުން ހުށަހަޅާފައިވާ ލިޔުންތަކުގައި މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ މަރްޔަމް ލީނާގެ މަސައްކަތު އަޚްލާޤާއި އޭނާގެ އުޅުމާމެދު އޭނާ މަސައްކަތްކުރާ ޑިވިޜަނުގެ ވެރިންގެ ވިސްނުން ހުރިގޮތުގެ އިތުރުން، އެ ފަރާތްތަކުން މަރްޔަމް ލީނާއާ މެދު ހިއުމަން ރިސޯސް ސެކްޝަނަށް ފޮނުވާފައިވާ ޝަކުވާތަކެކެވެ.
36މިސާލެއްގެ ގޮތުން ބަލާނަމަ، އެ ލިޔުންތަކުގައި ވާގޮތުން މަރްޔަމް ލީނާއަށް އެކަށީގެންވާ ފެންވަރެއްގައި ވަޒީފާ އަދާ ނުކުރާކަމަށް ލިޔެފައި ހުރިނަމަވެސް، މަރްޔަމް ލީނާ އަދާކޮށްފައި ނުވަނީ ކޮން މަސްއޫލިއްޔަތެއްކަން ސާފުކޮށް ބަޔާންކޮށްފައި ނުވެއެވެ. އަދި މަރްޔަމް ލީނާއާ ހަވާލުކުރި މަސައްކަތް އެހެން މުވައްޒަފުން ނިންމަން ޖެހުނު ކަމަށް ބުނެފައިވީނަމަވެސް އެއީ ކޮން މަސައްތަކެއް ކަމާއި، އަދި ކޮން ދުވަހަކު ހިނގި ހާދިސާއެއް ކަމާއި، އެ ކަމާ ގުޅޭ ގޮތުން މަރްޔަމް ލީނާ ޖަވާބުދާރީވެފައިވަނީ ކޮން ގޮތަކަށްކަންވެސް ލިޔެވި ރެކޯޑްކުރެވިފައި ނުވެއެވެ. އަދި އެއިން އެއްވެސް ތުހުމަތަކަށް ބާރުލިބިދޭ އިތުރު ހެއްކެއް މޯލްޑިވްސް ޕޯސްޓުން ހުށަހަޅާފައި ނުވެއެވެ.
37މީގެ އިތުރަށް، މަރްޔަމް ލީނާ ހާޒިރީއަށް ފަރުވާކުޑަކުރާކަމަށް ބުނާއިރު، ހާޒިރީ ބަލަހައްޓާ ސިސްޓަމަކުން ޖެނެރޭޓްކޮށްފައިވާ ހާޒިރީ ރިކޯޑެއްވެސް މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ހުށަހަޅާފައި ނުވެއެވެ. އަދި ވަޒީފާގެ އަޚްލާޤާއި ސުލޫކު ރަނގަޅު ނޫންކަމަށް ބުނާއިރު ވަޒީފާއާ ގުޅޭ ޕާރފޯމަންސް އެޕްރައިސަލެއް ފަދަ ލިޔުމެއްވެސް ހުށަހަޅާފައިނުވެއެވެ. މި ކަންވަނީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުންވެސް ފާހަގަކޮށްފައެވެ.
38މި މައްސަލައިގައި މޯލްޑިވްސް ޕޯސްޓުން ހުށަހެޅި ހެކިތަކުން މުޅިންވެސް ފެންނަން ހުރީ، މަރްޔަމް ލީނާއާމެދު އޭނާ މަސައްކަތްކުރި ޑިވިޜަނުގެ އިސްވެރިން ބުނެފައިވާ ވާހަކަތަކާއި އެ ފަރާތްތަކުން މަރްޔަމް ލީނާ ވަޒީފާއަދާކުރާ ގޮތާމެދު ދެކޭ ގޮތެވެ.
39އެ ގޮތުން، މޯލްޑިވްސް ޕޯސްޓުން މަރްޔަމް ލީނާއަށް ދީފައިވާ އިންޒާރުގައި 17 ޖުލައި 2019 ގައި މަރްޔަމް ލީނާ އިތުރުގަޑީގައި މަސައްކަތްކުރުމަށް މަޑުކުރިކުރުމަކީ، ގަވާއިދާ ޚިލާފަށް މަރްޔަމް ލީނާ ކުރިކަމެއްގެ ގޮތުގައި ސިފަކޮށްފައިވެއެވެ. އަދި އެ ދުވަހުގެ އިތުރުގަޑީގެ ފައިސާ ދޭންޖެހޭނެކަމަށް ބުނެ ޝަކުވާއެއް އުފުލުމަކީވެސް "ބަލައިގަނެވޭނެ ކަމެއްނޫން" ކަމަށް ބުނެފައިވެއެވެ. އެހެން ނަމަވެސް، ސެކްޝަނުގެ ވެރިއެއްގެ ހުއްދަ ހޯދުމަކާ ނުލައި އިތުރު ގަޑީގައި މަސައްކަތްކުރުމަށް އޮފީހުގައި މަޑުކުރުމަކީ، މަނާކަމެއްކަމަށް ދަލާލާތުކުރާ އެއްވެސް ލިޔުމެއް ނުވަތަ އެ ކަން ސާބިތުވާނެ ހެއްކެއްވެސް މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައި ނުވެއެވެ.
40އެއާ ޚިލާފަށް، ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ދެ ފަރާތުން ދެއްކި ވާހަކަތަކުން އެނގިގެން ދިޔައީ އިތުރު ގަޑީގެ މަސައްކަތް ހަވާލުކުރުމުގައި މޯލްޑިވްސް ޕޯސްޓުން އެކި ފަހަރު އެކި ގޮތަށް ކަންތައް ކުރުމަށްފަހު، އިތުރުގަޑީގެ ފައިސާ ނުލިބިގެން ޝަކުވާކުރުމުން، އިތުރުގަޑީގެ އުސޫލުތައް މަރްޔަމް ލީނާގެ މައްޗަށް ހިންގަން ފެށިތަނެވެ. މި ހާދިސާއިންވެސް ދަލާލަތުކޮށްދެނީ މަރްޔަމް ލީނާއާ ގުޅޭގޮތުން ތައްޔާރުކުރެވިފައިވާ ސްޓާފް މެމޯތަކާއި، އިންޒާރު ފަދަ ލިޔުންތަކުގައި ހުރި ވާހަކަތަކަކީ މަރްޔަމް ލީނާ މަސައްކަތްކުރި ސެކްޝަނުގެ ވެރިން މަރްޔަމް ލީނާއާމެދު ދެކޭ ގޮތަށް ބަރޯސާވެ ލިޔެފައި ހުރި ވާހަކަތަކެއް ކަމެވެ.
41ބަޔާންކުރެވުނު ފަދައިން ކަންތައް ހުރުމުން، މޯލްޑިވްސް ޕޯސްޓްގެ ފަރާތުން މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ލިޔުންތަކަކީ ޙަޤީޤަތުގައި ކަން އޮތް ގޮތް ބަޔާންކުރުމުގެ ބަދަލުގައި، ވަކި ކަމެއް ހާސިލުކުރުމުގެ ބޭނުމުގައި ތައްޔާރުކޮށްފައިވާ ލިޔުންތަކެއްކަމަށް ބުރަވެވެއެވެ.
42އެހެންކަމުން، މޯލްޑިވްސް ޕޯސްޓުން ހުށަހަޅާފައިވާ ހެކިތަކަކީ މި މައްސަލައާ ގުޅުންހުރި ހެކިތަކެއް ކަމުގައި ވީނަމަވެސް، އެ ހެކިތަކަކީ މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކުރަން ބޭނުންވާ މިންވަރެއްގެ ބަރުދަނެއް ލިބިފައިވާ ހެކިތަކެއް ކަމުގައި ގަބޫލުކުރަން ދައްޗެވެ. އެހެނީ، އެ ހެކިތަކުގައި ބޮޑަށް ހުރީ މަރްޔަމް ލީނާއާމެދު އޭނާ މަސައްކަތްކުރާ ޑިވިޜަނުގެ ވެރިން ދެކޭގޮތާއި، އެ ފަރާތްތަކުގެ ވިސްނުން ހުރިގޮތް ކަމުގައިވާތީއެވެ.
43ވީމާ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމްގައި މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ މޯލްޑިވްސް ޕޯސްޓުން އަމިއްލައަށް އުފަންކުރުވި ސަބަބެއްގެ މައްޗަށް ބިނާކޮށްކަމަށް ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ބަޔާންކުރުމަށް ތާއީދުކުރެވެއެވެ. މީގެ ނަތީޖާއަކީ، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކުރުމަށް މޯލްޑިވްސް ޕޯސްޓުގެ މައްޗަށް އޮތް ސާބިތުކުރުމުގެ ބުރަ އެ ފަރާތަށް އުފުލިފައި ނުވުމެވެ. އަދި މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރި ސަބަބުތައް ކަމަށް މޯލްޑިވްސް ޕޯސްޓުން ބަޔާންކުރާ ސަބަބުތައް، ވަޒީފާއާބެހޭ ޤާނޫނު ތަސައްވަރުކުރާ މިންގަނޑަށް މޯލްޑިވްސް ޕޯސްޓަށް ސާބިތުކޮށްދެވިފައި ނުވުމެވެ. އަދި އެ ކަމުގެ ސަބަބުން މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމަށް ކަނޑައެޅިގެން ދިޔުމެވެ.
44HN9މޯލްޑިވްސް ޕޯސްޓްގެ މެއިލް އޮޕަރޭޝަންސް ޑިވިޜަންގެ މަސައްކަތްތަކަކީ، މޯލްޑިވްސް ޕޯސްޓުން ބުނެފައިވާ ފަދައިން އެކި ވަގުތުތަކުގައި މަސައްކަތުގެ ބުރަމިން އިތުރުވެގެންދާ އަދި ވަކި ސުންގަޑިތަކަށް މަސައްކަތް ނިންމަން ޖެހިދާނެ ބާވަތުގެ މަސައްކަތްތަކަށް ވެދާނެކަން ޤަބޫލުކުރެވެއެވެ. އެހެން ނަމަވެސް، މިއީ މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމަށް ދެއްކޭނެ އެކަށީގެންވާ ސަބަބެއް ނޫނެވެ. ވަޒީފާއިން ވަކިކުރަންޖެހޭ އެކަށީގެންވާ ސަބަބެއް އޮތް ކަމަށް ބެލެވޭނީ، މަރްޔަމް ލީނާގެ ފަރާތުން އިސްވެ ބުނެވުނު މަސައްކަތްތަކަށް ބުރޫއަރާ ގޮތަށް ކޮށްފައިވާ ވަކި ޢަމަލެއް ނުވަތަ ޢަމަލުތަކެއް މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ސާބިތުކޮށްދިނުމުންނެވެ.
45މަރްޔަމް ލީނާ، އޭނާގެ އަޚްލާޤީ މައްސަލަތަކެއް ހުރިކަމަށް އިޤުރާރުވެ ލިޔެފައިވާ ލިޔުމަކީ މި މައްސަލައާ ގުޅޭ ހެއްކެކެވެ. ނަމަވެސް އެއީ މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރި ސަބަބުތަކަށް ބާރުދޭ އިޤުރާރެއްކަމުގައި ނުފެނެއެވެ. ސަބަބަކީ، އެ ލިޔުމުގައިވަނީ ޖުމްލަ ގޮތެއްގައި މަރްޔަމް ލީނާ އޭނާގެ އަޚްލާޤާމެދު ދެކޭ ގޮތެވެ. އަދި އެ ލިޔުމުގައި މަރްޔަމް ލީނާ ވަކި ކަމެއް ކުރިކަމަށް ނުވަތަ ނުކުރާ ކަމަށްވެސް އިޤުރާރުވެ އެއްބަސްވެފައި ނުވެއެވެ.
46HN10ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ހ) ދަށުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ރިޢާޔަތްކުރަންވާނީ އޭނާ އަދާކުރާ ވަޒީފާއާ ގުޅޭ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް ފިޔަވަޅު އެޅުމަށްފަހުވެސް އޭނާގެ މަސައްކަތުގެ އަޚްލާޤު ރަނގަޅުކޮށްފައި ނުވުމުގެ މައްޗަށެވެ. ވަކި ޚާއްޞަ ޙާދިސާއެއް ބަޔާންނުކޮށް ނުވަތަ ތިމަންނާގެ އަޚްލާޤުގެ މައްސަލަތަކެއް ހުރިކަމަށް ވެވޭ ޢާންމު އިޤުރާރަކީ އެއަށް ބިނާކޮށް އޭނާ އަދާކުރާ ވަޒީފާއިން ވަކިކުރެވޭނެ އިޤުރާރެއް ނޫނެވެ.
47އަދި ހަމަ އެހެންމެ، މޯލްޑިވްސް ޕޯސްޓުން މުވައްޒަފުން ލައްވާ މަސައްކަތްކުރުވާ ގޮތަށް މަރްޔަމް ލީނާ ފާޑު ކިޔައި އެހެން މުވައްޒަފުންގެ ގާތުގައި ވާހަކަ ދައްކާފައިވަނީ، ރަސްމީ ބަންދު ދުވަސްތަކުގައި މުވައްޒަފުން ލައްވައި ޢާންމު އުސޫލުން ޑިއުޓީ އަޅައިގެން މަސައްކަތްކުރުވާތީ ކަމުގައި މަރްޔަމް ލީނާ ބުނެފައިވާކަން މޯލްޑިވްސް ޕޯސްޓުން ފާހަގަކުރެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި މިކަމާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ވާހަކަތަކަށް ތާއީދުކުރެވެއެވެ. އެހެނީ، މަސައްކަތު މާހައުލުގައި ވަޒީފާދޭ ފަރާތުން މުވައްޒަފުންނާމެދު ކަންކުރާ ގޮތުގެ ވާހަކަ މުވައްޒަފުން ދައްކާނެއެވެ. މަރްޔަމް ލީނާ އެހެން މުވައްޒަފުންގެ ގާތުގައި ކުންފުނިން މުވައްޒަފުން ލައްވާ މަސައްކަތްކުރުވާ ގޮތާ ގުޅޭގޮތުން ދައްކާފައިވާކަމަށް މޯލްޑިވްސް ޕޯސްޓުން ހުށަހެޅި ލިޔުންތަކުގައިވާ ވާހަކަތަކަކީ، މަރްޔަމް ލީނާ ވަޒީފާގައި ނުބެހެއްޓޭ މިންވަރަށް އިތުބާރު ގެއްލޭފަދަ ޣައިރު ސުލޫކީ ވާހަކަތަކެއް ކަމުގައި ނުފެނެއެވެ.
48މޯލްޑިވްސް ޕޯސްޓުން މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމުގެ އިޖުރާއަތުތައް ކުރިއަށް ގެންގޮސްފައިވާ ގޮތަށް ބަލާއިރު، މޯލްޑިވްސް ޕޯސްޓުގެ ޤަވާއިދުގައި މުވައްޒަފުންނާމެދު އިޞްލާޙީ ފިޔަވަޅު އެޅުމާ ގުޅޭގޮތުން ކަނޑައެޅިފައިވާ ތަރުތީބާ އެއްގޮތަށް މަރްޔަމް ލީނާއާ މެދު ފިޔަވަޅު އެޅުމުގައިވެސް އަދި އޭނާ ވަޒީފާއިން ވަކިކުރުމުގައިވެސް ޢަމަލުކޮށްފައިވާ ކަން ފެންނަން ނެތެވެ. ހަމައެހެންމެ، ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައި އޮތް ގޮތަށް މުވައްޒަފެއްގެ މަސައްކަތުގެ ޤާބިލުކަން ނުވަތަ އަޚްލާޤީ މިންގަނޑު ރަނގަޅުކުރުމަށް މޯލްޑިވްސް ޕޯސްޓުން ފިޔަވަޅެއް އަޅާފައިވާ ކަން ފެންނާކަށް ނެތެވެ.
49ވަރަށް ސާފުކޮށް ފެންނަން ހުރީ، މުވައްޒަފު އިޞްލާޙުކުރަން ހެޔޮ ނިޔަތުގައި މަސައްކަތްކުރުމުގެ ބަދަލުގައި، ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ވިސްނުން ގެންގުޅެފައި ހުރިތަނެވެ. އެހެނީ، 21 އޮގަސްޓް 2019 ގައި މަރްޔަމް ލީނާއަށް ނަސޭހަތެއް ދިނުމަށްފަހު އެންމެ 5 ދުވަސް ފަހުން އިންޒާރެއް ވަނީ ދީފައެވެ. އަދި އިޞްލާޙުކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ފެނިގެން ދިޔައީ އިޞްލާޙުވުމަށް އިތުރު ފުރުސަތެއްވެސް ދިނުމަކާ ނުލައި، އޭގެ ވަރަށް ކުޑަ ދުވަސްކޮޅެއް ފަހުން 5 ސެޕްޓެންބަރު 2019 ގައި ވަޒީފާއިން ވަކި ކުރިތަނެވެ. މަރްޔަމް ލީނާގެ ކިބައިގައި ހުރި މައްސަލަތަކެއް އިޞްލާޙުކުރުމަށް ރޭވިފައިވާ ރޭވުމެއް، އަދި އިޞްލާޙީ ލަނޑުދަނޑިތަކެއް ނުވަތަ އިޞްލާޙުކުރުމަށް ދެވިފައިވާ މުއްދަތެއް ނުވަތަ އިޞްލާޙު ނުކޮށްފިނަމަ ވަޒީފާއިން ވަކިކުރެވޭނެކަން އަންގާފައިވާ އެންގުމެއް ހުށަހެޅިފައިވާ ލިޔުންތަކުން ފެންނަން ނެތެވެ. އެހެންކަމުން މިކަމަކީ، މޯލްޑިވްސް ޕޯސްޓުން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔުންތަކުގެ ބުރަދަންވެސް އިތުރަށް ލުއިވެގެންދިޔަ ސަބަބެކެވެ.
50އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޤާއިމުކުރަންޖެހޭ މައުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމުގައި މޯލްޑިވްސް ޕޯސްޓުން ޤާއިމްކޮށްފައިވާކަމަށް ގަބޫލެއްނުކުރެވެއެވެ.
ވަޒީފާއަށް ރުޖޫޢަކުރުން
51މަރްޔަމް ލީނާ މޯލްޑިވްސް ޕޯސްޓްގައި އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫޢަކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ، ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު) ޤަޟިއްޔާ އާއި، ސުޕްރީމް ކޯޓުގެ ނަންބަރު 2021/SC-A/86 (އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް) ޤަޟިއްޔާގައި ކަނޑައެޅިފައިވާ އުޞޫލުތަކާ ޚިލާފަށް ކަމަށް މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.
52މޯލްޑިވްސް ޕޯސްޓުގެ ފަރާތުން ދެކޭގޮތުގައި ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫޢަކުރުމަށް ބާރުއަޅާ އެއްވެސް ޙާލަތެއް އެ މައްސަލައިގައި ނެތެވެ. ސަބަބެއްކަމުގައި މޯލްޑިވްސް ޕޯސްޓުން ބަޔާންކޮށްފައިވަނީ، މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ އަޚްލާޤީ މައްސަލަތަކުގެ ސަބަބުން ކަމަށްވާތީ އާއި، އެ މައްސަލަތަކަކީ އޭނާ ވަޒީފާގައި ބަހައްޓައިފިނަމަ ވަޒީފާދޭ ފަރާތަށް ބޮޑެތި ގެއްލުންތަކެއް ލިބޭފަދަ ސީރިޔަސް ޢަމަލުތަކެއްކަމަށް ވާތީއާއި، އަދި އެ ޢަމަލުތަކަކީ ހަމައެކަނި ނަސޭހަތާއި އިންޒާރުދީގެން ހައްލުކުރެވޭނެ ކަންތައްތަކެއް ނޫންކަމަށްވާތީ ކަމަށް މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ބުނެއެވެ.
53HN11ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާގައި ބަޔާންކޮށްފައިވަނީ ޢާންމު ގޮތެއްގައި ވަޒީފާގެ ގުޅުމުގައި ދިމާވާ ޚިލާފުވުންތަކާއި، ޝައްކުތަކާ އެކުވެސް އެ ގުޅުން ދެމެހެއްޓުމުގެ ޤާބިލުކަން ދެ ފަރާތަށް ލިބިގެންވާކަމަށާއި، ދެ ފަރާތުގެ މެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތައް ވަޒަންކޮށްގެން ކަމަށެވެ.
54މަރްޔަމް ލީނާއާއި މޯލްޑިވްސް ޕޯސްޓާ ދެމެދު އޮތް މައިގަނޑު މައްސަލަތަކަކީ، ހާޒިރީއާ ގުޅިގެން އުފެދިފައިވާ މައްސަލަތަކަކާއި، ކުންފުނީގެ އިސްވެރިން، މުވައްޒަފުން ލައްވާ އިތުރުގަޑީގައި މަސައްކަތްކުރުވާގޮތާ މެދު އޮފީސް މާހައުލުގައި މަރްޔަމް ލީނާ ފާޑު ކިޔުމާއި، އެ ކަމާ ގުޅިގެން އުފެދިފައިވާ ހިތްހަމަނުޖެހުމުގެ އިތުރުން، އިތުރުގަޑީގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން މަރްޔަމް ލީނާއާ، އޭނާ މަސައްކަތްކުރާ މެއިލް އޮޕަރޭޝަންސް ޑިވިޜަންގެ އިސްވެރިންނާ ދެމެދު އޮތް ދެބަސްވުންތަކެވެ. މި ކަންތައްތަކުގެ ސަބަބުން، މަރްޔަމް ލީނާއާއި ވަޒީފާދޭ ފަރާތާ ދެމެދު އޮތް ގުޅުމަށް ވަނީ ކޮންމެވެސް ވަރެއްގެ ނޭދެވޭ އަސަރެއްކޮށްފައެވެ. އެހެން ނަމަވެސް، އެ ފަދަ ހިތްހަމަނުޖެހުންތަކަކީ، މެއިލް އޮފަރޭޝަންސް ޑިވިޜަންގެ އެސިސްޓެންޓް އޮޕަރޭޝަންސް އޮފިސަރެއްގެ ވަޒީފާ އަދާކުރުމަށް ބޭނުންވާ އިތުބާރު އަނބުރާ އިޢާދަ ނުކުރެވޭ މިންވަރަށް ގެއްލިފައިވާ ކަމަށް ބުނެވޭނެ ސަބަބެއްކަމަށް ބުރަނުވެވެއެވެ. އަދި ހަމައެހެންމެ، މަރްޔަމް ލީނާ މޯލްޑިވްސް ޕޯސްޓްގައި އަދާކުރަމުން އައި ވަޒީފާއަކީ މިހާރު ނެތް ވަޒީފާއެއް ކަމަށް މޯލްޑިވްސް ޕޯސްޓުން ބުނެފައި ނުވާތީ، އެ ވަޒީފާއަށް މަރްޔަމް ލީނާ އަނބުރާ ރުޖޫޢަކުރުމަށް ހުރަހެއް އޮތް ކަމަށް ނުފެނެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގައިދީފައިވާ ބަދަލު
55މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމުން ނަގައިދޭން އެދިފައިވާ ބަދަލު ނަގައިދިނުމަށް ހައިކޯޓުގެ ނަންބަރު 2021/HC-A/306 ޤަޟިއްޔާއިން ތާއީދުކޮށްފައިވަނީ އެ ފަދަ ބަދަލު ނަގައިދިނުމުގައި ޢަމަލުކުރަންޖެހޭކަމަށް ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު) ޤަޟިއްޔާ އާއި، ނަންބަރު 2019/SC-A/27 (ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށްކަމަށް މޯލްޑިވްސް ޕޯސްޓްގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެއެވެ.
56HN12HN13އެ ޤަޟިއްޔާތަކުގައި ބުނެފައިވަނީ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ ރުޖޫޢަކުރި ތާރީޚާ ހަމަޔަށް ހިނގާފައިވާ މުޅި މުއްދަތުގެ މުސާރައާއި ޢިނާޔަތްތައް ދިނުން ލާޒިމު ނޫންކަމަށާއި، ގެއްލުން ކުޑަކުރުމަށް މުވައްޒަފު ކުރިކަމެއް ބަލަންޖެހޭނެކަމަށާއި، ލިބޭ ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތަކީ އެއްބަސްވުމަކާ ޚިލާފުވީ ފަރާތް ނޫން އެ ކޮންޓްރެކްޓްގެ އަނެއް ބައިވެރިޔާގެ މައްޗަށް އޮތް މަސްއޫލިއްޔަތެއްކަން ކޮންޓްރެކްޓާބެހޭ ޤާނޫނުން ސާފުކޮށް އެނގެން އޮންނަކަމަށާއި، މުވައްޒަފަށް ބޭއިންސާފު މުއްސަނދިކަމެއް ލިބޭގޮތަށް ނިންމުމަކީ އިންސާފުވެރި ގޮތެއް ނޫންކަމަށެވެ. ހަމައެހެންމެ، މުވައްޒަފު އެ ދުވަސްތަކުގައި އެހެން ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އެހެން ގޮތަކަށް އާމްދަނީ ހޯދާފައިވާނަމަ އެ ކަމަށްވެސް ރިޢާޔަތްކުރަންޖެހޭނެކަމަށާއި، އެ މުއްދަތުގެ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ނަގައިދޭ މިންވަރު ކަނޑައެޅުމުގައި ޢާންމުކޮށް ދިވެހިރާއްޖޭގައި އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނޭކަމަށް ޤަބޫލުކުރެވޭ މުއްދަތަށްވެސް ރިޢާޔަތް ކުރަންޖެހޭނެކަމަށެވެ.
57HN14ވަޒީފާ އަނބުރާ ރުޖޫޢަކުރާ ޙާލަތުގައި ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަހުގެ ނިންމުންތަކަށް ބަލާލާއިރު، 6 (ހައެއް) މަސްދުވަހުގެ އަސާސީ މުސާރައަށްވާ ފައިސާ ބަދަލުގެ ގޮތުގައި ނަގައިދިނުމަކީ މި ބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓަމުންދާ ހަމައެކެވެ. އެ ގޮތުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ވ. މުޙައްމަދު މުޚްތާރު ޤަޟިއްޔާއާއި، އާމިނަތު ޢަރޫޝާ ވ. މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ ޤަޟިއްޔާއާއި، އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޤަޟިއްޔާއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ ޤަޟިއްޔާއާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް ޤަޟިއްޔާ ފަދަ ގިނަ ޤަޟިއްޔާތަކެއްގައި މި އުޞޫލު ދަމަހައްޓާފައިވެއެވެ.
58މީގެ އިތުރުން، ސުޕްރީމް ކޯޓުގެ ދިވެހި ދައުލަތް ވ. ޢާއިޝަތު ރަޝީދު ޤަޟިއްޔާގައި، އެ މައްސަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެ މިންވަރު ކަނޑައަޅާފައިވަނީ ވަޒީފާ ރުޖޫޢަކުރާ ޙާލަތުގައި ބަދަލު ކަނޑައެޅުމުގައި ބަލާ އަސާސީ ހަމައަށް ރިޢާޔަތްކޮށް 06 (ހައެއް) މަސް ދުވަހުގެ މުސާރައާއި ޢިނާޔަތް ކަމަށް ފާހަގަކޮށްފައިވެއެވެ.
59އެހެންކަމުން، އިސްވެ ބަޔާންކުރެވުނު ޤަޟިއްޔާތަކުގައި ބަދަލު ނަގައިދިނުމާ ގުޅޭގޮތުން ކަނޑައަޅާފައިވާ އުޞޫލުތަކާއި، މި މައްސަލާގައި ކަން ހިނގާފައިވާ ގޮތަށް ރިޢާޔަތްކޮށް، މަރްޔަމް ލީނާއަށް ބަދަލުގެ ގޮތުގައި ނަގައިދިނުމަށް 06 (ހައެއް) މަސްދުވަހުގެ މުސާރައާއި ޢިނާޔަތްތައް އެއީ އެކަށޭނަ ޢަދަދެއް ކަމަށް ޤަބޫލުކުރެވެއެވެ.
ނިންމަން ފެންނަ ގޮތް
60ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/306 ޤަޟިއްޔާއާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 275/VTR/2019 މައްސަލާގައި، މަރްޔަމް ލީނާ ވަޒީފާއިން ވަކި ކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫޢަކުރާ ދުވަހާ ހަމައަށްވާ މުސާރައާ ޢިނާޔަތްތައް ދިނުމަށް ކަނޑައަޅާފައި އޮތް އޮތުން ބާތިލުކުރުމަށާއި؛
61މަރްޔަމް ލީނާ ވަޒީފާއިން ވަކިކޮށްފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 21ވަނަ މާއްދާއާއި، 27ވަނަ މާއްދާގައި ބުނާ ފަދަ ސަބަބެއް އޮވެގެންކަން މޯލްޑިވްސް ޕޯސްޓަށް ސާބިތުކޮށްދެވިފައި ނުވާތީ އާއި، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަމާއި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާކަމަށް ބެލެވެން ނެތަތީ، މަރްޔަމް ލީނާގެ ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށާއި؛
62އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކޮށްފައިވާތީ، ބަދަލުގެ ގޮތުގައި މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރެވުނު އިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތުގެ ނިސްބަތުން 06 (ހައެއް) މަސް ދުވަހުގެ މުސާރައާއި ޢިނާޔަތާ އެއްވަރުގެ އަދަދެއް އެ ފަރާތަށް ޙައްޤުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމުމަށް ފެނެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
63މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޙުސައިން ޝަހީދުގެ ރައުޔު
64މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ އިސްވެ ބަޔާންދިޔަ ސަބަބުތައް އެ ގޮތުގެ މަތީން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/306 ޤަޟިއްޔާއާއި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 275/VTR/2019 މައްސަލާގައި، މަރްޔަމް ލީނާ ވަޒީފާއިން ވަކި ކުރި ތާރީޚުން ފެށިގެން ވަޒީފާ އަނބުރާ ރުޖޫޢަކުރާ ދުވަހާ ހަމައަށްވާ މުސާރައާ ޢިނާޔަތްތައް ދިނުމަށް ކަނޑައަޅާފައި އޮތް އޮތުން ބާތިލުކޮށް، މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަމާއި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާތީ، މަރްޔަމް ލީނާގެ ވަޒީފާ އަނބުރާ ރުޖޫޢަކުރުމަށާއި، ބަދަލުގެ ގޮތުގައި މަރްޔަމް ލީނާ ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތުގެ ނިސްބަތުން 06 (ހައެއް) މަސްދުވަހުގެ މުސާރައާއި ޢިނާޔަތާ އެއްވަރުގެ އަދަދެއް މަރްޔަމް ލީނާއަށް ޙައްޤުވާކަމަށް ކަނޑައަޅައި، މިއަދު (2026 ނޮވެންބަރު 08ވަނަ ދުވަހު) ން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އިސްވެ ބަޔާންކުރެވުނު ކަންކަން ފުރިހަމައަށް ތަންފީޛުކުރުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެނގުމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑަށް އަންގައި، މި ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢަލީ ރަޝީދު ޙުސައިން
ޢަބްދުﷲ ޙަމީދު (ރިޔާސަތު)
ޙުސައިން ޝަހީދު
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 21 ވަނަ މާއްދާގެ (ހ)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 27 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރު
- ކޮންޓްރެކްޓާބެހޭ ޤާނޫނު (ގެއްލުން ކުޑަކުރުމުގެ މަސްއޫލިއްޔަތު، ސުޕްރީމް ކޯޓުގެ ޤަޟިއްޔާތަކުގައި ވާ ގޮތުން)
- މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޤަވާއިދު (އިޞްލާޙީ ފިޔަވަޅު އެޅުމުގެ ތަރުތީބު)
- ސުޕްރީމް ކޯޓުގެ 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަޙީދު)
- ސުޕްރީމް ކޯޓުގެ 2019/SC-A/27 (ޢަލީ ވަޙީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ))
- ސުޕްރީމް ކޯޓުގެ 2021/SC-A/86 (އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް)
- ސުޕްރީމް ކޯޓު: ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ވ. މުޙައްމަދު މުޚްތާރު
- ސުޕްރީމް ކޯޓު: އާމިނަތު ޢަރޫޝާ ވ. މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ ކައުންސިލްގެ އިދާރާ
- ސުޕްރީމް ކޯޓު: އާމިނަތު އަރީޖް ޙުސައިން ވ. ޕްރޮސެކިއުޓަރ، […]، އޮފީސް
- ސުޕްރީމް ކޯޓު: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ
- ސުޕްރީމް ކޯޓު: މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އާދަމް ޒަމީލް
- ސުޕްރީމް ކޯޓު: ދިވެހި ދައުލަތް ވ. ޢާއިޝަތު ރަޝީދު
- ހައިކޯޓުގެ 2012/HC-A/40 (ހައިކޯޓުގައި ފަރާތަކުން ހަވާލާދީފައި)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.