އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު [2023] SC 28 2021/SC-A/86 ޝަރީޢަތް ނިމުނުގޮތް އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ފަނޑިޔާރުންގެ މަޖިލިސް ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ނިމުނު ތާރީޚު 14 ޖޫން 2023
އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ 2020/HC-A/124 އިސްތިއުނާފު ރައްދުވާ ފަރާތް އިސްތިއުނާފުކުރާ ފަރާތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (ރަޖިސްޓްރީ ނަންބަރު C-239/2009) އިސްމާޢީލް ސިވާން، ހުޅުމާލެ ފްލެޓް ނަންބަރު 123-G-05 ޤާނޫނީ ވަކީލު: ބަދަލުގައި: މުޙައްމަދު ޝަހުދީ އަންވަރު، އެސް އެންޑް އޭ ލޯޔަރސް އެލް.އެލް.ޕީ މަރްޔަން ޝުނާނާ، ޕްބްލިކް އިންޓަރެސްޓް ލޯ ސެންޓަރ
ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ، ނޯޓިހެއް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރުން، ސޯޝަލް މީޑިއާގައި ޕޯސްޓްކުރުން، މައުލޫއީ ޢަދުލުވެރިކަން، އިޖުރާއީ ޢަދުލުވެރިކަން
ފިހުރިސްތު
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު 1
ތަޢާރުފު 1
މައްސަލައިގައި ކަން ހިނގާފައިވާގޮތް 2
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް 4
ހައިކޯޓުން މައްސަލަ ނިންމިގޮތް 5
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް 6
ވަޒީފާއިން ވަކިކުރެވުނު ސަބަބު 7
އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތު 8
ނޯޓިހެއްދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރުން 10
އުސޫލު ތަޠުބީޤުކުރުން 12
ވަޒީފާއަށް އަލުން އަނބުރާ ރުޖޫއަކުރުން 18
ބަދަލު ނަގައިދިނުން 22
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު 24
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު 24
ޙުކުމް 24
` އިސްމާޢީލް ސިވާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް [2023] SC 28 ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
1. ހުޅުމާލެ ފްލެޓް ނަންބަރު 123-G-05، އިސްމާޢީލް ސިވާން މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (މީގެ ފަހުން "އެމްއޭސީއެލް") ގެ ޑްރައިވަރ ގްރޭޑް 2 ގެ ވަޒީފާ އަދާކުރަމުންދަނިކޮށް، ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ޕޯސްޓަކާއި ގުޅިގެން ގޭގައި މަޑުކުރުމަށް އެންގުމަށްފަހު، ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، 4 މެއި 2017 އިން ފެށިގެން ވަޒީފާ ލިބޭ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށް އެދި، ވަޒިފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަ ބެލީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 112/VTR/2017 މައްސަލައިގައެވެ.
2. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 112/VTR/2017 މައްސަލައިގައި ނިންމީ އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނު1 ހުއްދަކުރާފަދަ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ކަނޑައަޅައެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މި ނިންމުން އިސްތިއުނާފުކުރުމަށް އިސްމާޢީލް ސިވާންގެ ފަރާތުން ހައިކޯޓަށް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ނަންބަރު 2020/HC-A/124 ގަޒިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
3. މިއީ ބުނެވުނު ހައިކޯޓުގެ ނަންބަރު 2020/HC-A/124 ގަޒިއްޔާ އިސްތިއުނާފުކުރުމަށް އިސްމާޢީލް ސިވާންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ސުޕްރީމް ކޯޓުން އެ މައްސަލައާމެދު ނިންމިގޮތެވެ.
މައްސަލައިގައި ކަން ހިނގާފައިވާގޮތް
4. 04 މެއި 2008 ގައި އިސްމާޢީލް ސިވާން އާއި އެމްއޭސީއެލް އާ ދެމެދު ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ.
5. 12 އެޕްރީލް 2017 ގައި އިސްމާޢީލް ސިވާން އެމްއޭސީއެލް އަށް ބަޔާނެއް ދީފައިވެއެވެ. މި ބަޔާނުގައި ސޯޝަލް މީޑިއާ (ފޭސް ބުކް) ގައި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާއާ ބެހޭގޮތުން ހަޑިހުތުރުބަހުން ލިޔެފައިވާ ފޯސްޓެއް ހިއްސާކޮށްފައިވާކަމަށް އެއްބަސްވެފައިވެއެވެ. އަދި މިފަދަ ޢަމަލެއް ކުރިއަށް އޮތް ތަނުގައި ނުހިނގާނެކަމަށާއި، މިއީ ޑިސިޕްލިނަރީ ޕޮލިސީއާ ޚިލާފުކަމެއްކަމަށް އެނގިފައިނުވާކަމަށް ބުނެފައިވެއެވެ.
6. އިސްމާޢީލް ސިވާން ހިއްސާކޮށްފައިވަނީ ފޭސްބުކްގައި "އިބްރާހީމް ރަޝީދު އިއްބެ" ކިޔާ މީހަކު ހިއްސާކޮށްފައިވާ ޕޯސްޓެކެވެ. އެ ޕޯސްޓުގައި އެއިރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ފޮޓޯއަކާއެކު "ޔާ ﷲ! މި ނުބައި ނުލަފާ ޝައިޠާނުގެ ކިބައިން ދިވެހި އުއްމަތް ސަލާމަތްކުރައްވާށި!" މި އިބާރާތްކޮޅު ލިޔެފައިވެއެވެ.
7. އިސްމާޢީލް ސިވާންގެ ޢަމަލުތަކާ ގުޅޭ ގޮތުން 04 މެއި 2017 ގައި ޑިސިޕްލިނަރީ ކޮމިޓީގެ ބައްދަލުވުމެއް ބޭއްވުނެވެ. އެ ބައްދަލުވުމުގެ ރިޕޯޓުގައި އެ ބައްދަލުވުން ބޭއްވުނީ ޑެޕިއުޓީ ޗީފް އޮފް ކޯޕަރޭޓް އެޕެއަރޒް މުޙައްމަދު ނިޔާޒް، އިސްމާޢީލް ސިވާން ފޭސްބުކްގައި ނަފުރަތު އުފެދޭގޮތަށް ޕޯސްޓެއް ކޮށްފައިވާކަމަށް ބުނެ ހިއުމަން ރިސޯސްގައި ހުށަހެޅި ޝަކުވާއަކާ ގުޅިގެންކަމަށް ބަޔާންކޮށްފައިވެއެވެ. މި ޝަކުވާއާ ގުޅިގެން އެމްޕްލޯއީ ރިލޭޝަންސް ސެކްޝަނުން ތަޙުޤީޤެއްކުރި ކަމަށާއި، އިސްމާޢީލް ސިވާންއަށް ކުރެވުނު ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީވުމަށް ފުރުޞަތު ދެވުނުކަމަށް ޑިސިޕްލިނަރީ ކޮމީޓިގެ ރިޕޯޓުގައި އޮވެއެވެ.
8. އަދި އިސްމާޢީލް ސިވާން ސޯޝަލް މީޑިއާގައި ޕޯސްޓްތަކެއް ހިއްސާކުރިކަމަށް އިޢުތިރާފުވެ ބަޔާނެއްދީފައިވާކަމަށާއި، މި މައްސަލައިގައި ޑިސިޕްލިނަރީ ކޮމިޓީއަށް ހުށަހެޅުނު އެންމެހައި ލިޔެކިއުންތަކަށް ރިޢާޔަތްކުރުމަށްފަހު އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ 4.6 ގެ ދަށުން ޑިސިޕްލިނަރީ ކޮމިޓީއަށް އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ބާރު ލިބިދެވިފައިވާތީ، އިސްމާޢީލް ސިވާން ވަގުތުން ވަޒީފާއިން ވަކިކުރުމަށް އެ ކޮމިޓީން ލަފާދީފައިވެއެވެ.
9. ހަމަ އެ ތާރީޚުގައި (04 މެއި 2017) އޮޕަރޭޝަންސް ޑިޕާޓްމަންޓުގެ ޑްރައިވަރ ގްރޭޑް 2 ގެ ވަޒީފާއިން އިސްމާޢީލް ސިވާން ވަކިކޮށްފައިވެއެވެ. ވަޒީފާއިން ވަކިކުރި ސަބަބުކަމަށް ޓަރމިނޭޝަން ސްލިޕްގައި ބަޔާންކޮށްފައިވަނީ ‘due to disciplinary issue’ ނުވަތަ ސުލޫކީ މައްސަލައަކާ ގުޅިގެން ކަމަށެވެ.2
10. އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވާތީ، އޭނާ އަދާކުރަމުން ދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، ވަޒީފާއިން ވަކިކުރެވުނު ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތައް އެކީ އެއްފަހަރާ ހޯދުމަށް އެދި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް އިސްމާޢީލް ސިވާން މައްސަލަ ހުށަހެޅިއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް
11. ވަޒީފާއާބެހޭ ޓްރައިބިއުނަލުން އެ މައްސަލަ ބެލީ އެ ޓްރައިބިއުނަލްގެ ނަންބަރު 112/VTR/2017 މައްސަލައިގައެވެ. އަދި ނިންމާފައިވަނީ އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާ ހުއްދަކުރާފަދަ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށެވެ.
12. އެގޮތުން، އިސްމާޢީލް ސިވާން ފޭސްބުކްގައި ހިއްސާކޮށްފައިވާ ޕޯސްޓުގައި ބަދު ދުޢާގެ ސީޣާގައި އޮތް ޖުމްލައެއް އެ ޕޯސްޓުގައިވާކަމަށާއި، އަދި އެ ޕޯސްޓާމެދު އެއްވެސް ޚިޔާލެއް ފާޅުކޮށްފައިނުވާކަމަށް އިސްމާޢީލް ސިވާންގެ ފަރާތުން ބުނި ނަމަވެސް، އެކަކު އަނެކަކަށް ބަދު ދުޢާގެ ބަސް ރައްދުކުރުމަކީ އިސްލާމްދީނުގައި ނަހީ ކުރައްވާފައިވާ ކަމެއްކަމާއި، އަދި މި މައްސަލައިގައި ބަދު ދުޢާ ރައްދުކޮށްފައިވަނީ ޤައުމު ހިންގުމާ ޙަވާލުވެ ހުރި ފަރާތަށްކަމުން އެއީ ބަލައިގަނެވޭނެ ކަމެއްނޫންކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވެއެވެ.
13. އަދި އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނިން ޢަމަލު ކުރަމުންދާ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ 4.6 އާ ޚިލާފަށް އޭނާގެ ޢަމަލުތައް ހުރުމުންކަމަށްވީ ހިނދު، އިސްމާޢީލް ސިވާން ކުޅަ މި ޢަމަލަކީ އޭނާގެ ހިތުގައި ވަކިފަރާތަކާމެދު ރުޅިވެރިކަމާއި ނަފުރަތު އޮތްކަން ދަލާލަތުކޮށްދޭ ޢަމަލެއްކަމަށާއި، މިފަދަ ޢަމަލުތަކުގެ އާޚިރު ނަތީޖާއަކަށްވާނީ ޤައުމުގެ ޢާންމު މަޞްލަޙަތު ގެއްލިގެންގޮސް މީސްތަކުންގެ މެދުގައި ފިތުނަ ފަސާދަ އުފެދުންކަމަށާއި، އަދި މިއީ ޤައުމުގެ ވަލިއްޔުލްއަމުރުގެ މަޤާމުގައި ހުރި ފަރާތެއްގެ ކަރާމާތަށް ނުހަނު ބޮޑަށް ހުތުރުކަން ގެނުވާފަދަ ޢަމަލެއްކަމަށާއި، އިސްލާމްދީނަކީ ޞުލްޙަ މަސަލަސްކަމަށް ލޯބިކުރާ ދީނެއްކަމަށާއި، ފަސާދަކުރުމާއި ފަސާދައަށް މަގުފަހިވާ އެންމެހައި ކަންތައްތަކަކީ އިސްލާމް ދީނުގައި ނަހީކުރައްވާފައިވާ ކަންތައްތައްކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ދީފައިވާ ސަބަބުތަކުގައި ބަޔާންކޮށްފައިވެއެވެ.
14. އެހެންކަމުން، މިފަދަ ނޭއްގާނީ ޢަމަލުތަކެއް ހިންގާ މުވައްޒަފަކު އަދި އެ މުވައްޒަފަކީ އެއަރޕޯޓްގެ ވީ.އައި.ޕީގައި މަސައްކަތްކުރާ ޑްރައިވަރެއްގެ މަޤާމުގައި ހުރި މުވައްޒަފަކަށްވެފައި، އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ވީ.ވީ.އައި.ޕީ އާއި ވީ.އައި.ޕީ އިން ގޮވައިގެން އުޅެންޖެހޭ މުވައްޒަފަކަށް ވީ ހިނދު، އެފަދަ މަޤާމެއްގައި އޭނާ ބެހެއްޓުމަކީ ތަނުގެ މަޞްލަޙަތަށާއި، އެތަނުން ޚިދުމަތް ލިބިގަންނަ ޤައުމުގެ އިސްވެރިންގެ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށްވުމީ ވެދާނެކަމެއްކަމަށް ފެންނާތީ، މުވައްޒަފު ހިންގި މި ހުތުރުކަންބޮޑު ޢަމަލަކީ ކުންފުނީގެ ނަމަށް ހުތުރުކަން ގެނުވައި މަސައްކަތުގެ އަޚްލާޤުން ބޭރު ޢަމަލެއްކަމަށް ފެންނާތީ، އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، އިޖުރާއީ އަދި މައުލޫއީ ޢަދުލުވެރިކަންވެސް ޤާއިމުކުރުމަށްފަހުކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވެއެވެ.
ހައިކޯޓުން މައްސަލަ ނިންމިގޮތް
15. އިސްމާޢީލް ސިވާންގެ ފަރާތުން ބުނެވުނު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެކޯޓުގެ ނަންބަރު 2020/HC-A/124 ގަޒިއްޔާގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުމަށް ތާއީދުކޮށްފައިވެއެވެ.
16. އެގޮތުން، އިސްމާޢީލް ސިވާން ހިއްސާކުރި ފޭސްބުކް ޕޯސްޓުގައި ބަދު ދުޢާ ރައްދުވަނީ ޤައުމުގެ ރައީސުލް ޖުމްހޫރިއްޔާއަށްކަމަށާއި، އެއީ އެއްވެސް ހަމައަކުން ބަލައިގަނެވޭނެކަމެއް ނޫންކަމަށާއި، މިފަދަ ޢަމަލުތަކަކީ އިސްލާމީ މުޖްތަމަޢެއްގައި ހުއްދަކުރެވިގެންވާ ކަންތައްތަކެއް ނޫންކަމަށާއި، އިސްމާޢީލް ސިވާންއަކީ އެމްއޭސީއެލްގައި އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން ވީ.ވީ.އައި.ޕީ އާއި ވީ.އައި.ޕީ އިންގެ ޑްރައިވަރެއްގެ ގޮތުން އެއަރޕޯޓުން ޚިދުމަތް ހޯދާ ޤައުމުގެ އިސްވެރިންނާ ގާތުން މުޢާމަލާތްކުރުމުގެ ފުރުޞަތު ތަނަވަސްވެފައިވާ މުވައްޒަފަކަށްވީއިރު، އިސްމާޢީލް ސިވާން ކޮށްފައިވާ ޢަމަލުގެ ގޮތުން، އެފަދަ ވިސްނުމެއްގެ މުވައްޒަފަކު ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅިފައިވާ ތަނެއްގެ ވަޒީފާގައި ބެހެއްޓުމަކީ ތަނުގެ މަޞްލަޙަތާއި، ތަނުން ޚިދުމަތް ހޯދާ ޤައުމުގެ އިސްވެރިންނާ އެ ނޫން ފަރާތްތަކުގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސްއެޅިދާނެކަމެއްކަމަށް ހައިކޯޓުން ކަނޑައަޅާފައިވެއެވެ.
17. އަދި އިސްމާޢީލް ސިވާން އެމްއޭސީއެލްގެ މުވައްޒަފެއްގެ ގޮތުގައި ހުރެ ކުރި އެ ޢަމަލަކީ ކުންފުނީގެ މައްޗަށް ޢާންމުންނާއި ވެރިންގެ މެދުގައި އޮންނަ އިތުބާރާއި ރީތި ނަމަށް އުނިކަން އަންނާނެ ޢަމަލެއްކަމަށާއި، އަދި އެއީ މަސައްކަތުގެ އަޚްލާޤުން ބޭރު ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކަމަށާއި، އެހެންކަމުން އިސްމާޢީލް ސިވާންގެ މި ޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމަށް މަޤުބޫލު ސަބަބެއްކަމަށް ހައިކޯޓުން ނިންމާފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާތައް
18. ހައިކޯޓުގެ ނަންބަރު 2020/HC-A/124 ގަޒިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށްނޫންކަމަށް ބުނެ އެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް އިސްމާޢީލް ސިވާންގެ ފަރާތުން މައިގަނޑު 02 (ދޭއް) ނުކުތާ ހުށަހަޅާފައިވެއެވެ.
-18.1 އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވަނީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ހުއްދަކުރާފަދަ ޢަދުލުވެރި ސަބަބެއްކަމަށް ވެދާފަދަ ސަބަބެއް އޮވެގެންކަމުގައި ހައިކޯޓުން ނިންމާފައިވަނީ އެފަދަ ސަބަބެއް އޮތްކަމަށް އެމްއޭސީއެލް އިން ސާބިތުކޮށްނުދެނީސް، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާއި އެމްއޭސީއެލްގެ ޕޮލިސީތަކާއި، ވަކި ޢަމަލަކީ ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއް (gross misconduct) ކަމުގައި ކަނޑައެޅުމުގައި ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް3 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާ.
18.2- ހަރުކަށި ސިޔާސީ ފިކުރުހުރިކަމަށް ބުނެ ވަޒީފާއިން ވަކިކުރުމަކީ، އަދި އެފަދަ ސަބަބަކީ ޢަދުލުވެރި ސަބަބެއްކަމަށް ހައިކޯޓުން ބަލައިގަނެފައިވާތީ، އަދި އެ ނިންމުން ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި، 27 ވަނަ މާއްދާއާއި، 28 ވަނަ މާއްދާއާއި، 30 ވަނަ މާއްދާއާ ޚިލާފުވެފައިވާކަމާއި، އެ ނިންމުމުގެ ނަތީޖާއަކީ ޤާނޫނުއަސާސީގެ ބުނެވުނު މާއްދާތަކުން ކަށަވަރުކޮށްދީފައިވާ މުހިންމު އަސާސީ ޙައްޤުތައް އެއްވެސް ހަމައެއް ލަމައެއް އަދި ގައިދެއް ނެތި، ނިގުޅައިގަތުމަށް ހުޅުވިގެންދިޔަ ނުރަނގަޅު ދޮރެއްކަމަށް ބުނެ ހުށަހެޅި ނުކުތާ.
19. އިސްމާޢީލް ސިވާންގެ ފަރާތުން ސުޕްރީމް ކޯޓުގައި ހުށަހެޅި ދެ ސަބަބުވެސް ބިނާވަނީ އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމަށް ބުނެ، އޭނާ ވަޒީފާއިން ވަކިކުރެވުނު ސަބަބުގެ މައްޗަށް ހުށަހަޅާފައިވާ ދެ ނުކުތާކަމުން، މި ދެނުކުތާއަށް ޖަވާބުދެވިފައިވާނީ އެކުއެކީގައެވެ.
ވަޒީފާއިން ވަކިކުރެވުނު ސަބަބު
20. އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރި ޓާރމިނޭޝަން ސްލިޕްއަށް ބަލާއިރު، އޭނާ ވަޒީފާއިން ވަކިކުރެވުނު ސަބަބެއްކަމުގައި ބަޔާންކޮށްފައިވަނީ ‘due to disciplinary issue’ އެވެ. އިތުރު ތަފުޞީލެއް ވަޒީފާއިން ވަކިކުރިކަން އެންގި ލިޔުމުގައި ބަޔާންކޮށްފައިނުވެއެވެ.
21. ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެމްއޭސީއެލް އިން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވަނީ ކުންފުނީގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ 4.6 އާ ހަވާލާދީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ. އެއީ ސޯޝަލް މީޑިއާގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް ހަޑިހުތުރު ބަހުން ސިޔާސީގޮތުން ހައްދުފަހަނައަޅާފައިވާ މީހެއްގެ ހުންނާނެ ފަދަ ފިކުރު އެއިން ރަމްޒުކޮށްދޭ އިބާރާތުން ފޭސްބުކްގައި މީހަކު ކޮށްފައިވާ ބަދު ދުޢާއެއް، އިސްމާޢީލް ސިވާންގެ އަމިއްލަ އެކައުންޓުގައި އަލުން ހިއްސާކޮށްފައިވާ ތަން ފެނިގެން ކުންފުނީގެ މުވައްޒަފަކު ހުށަހެޅި ޝަކުވާއަކާ ގުޅިގެންކަމަށެވެ. އެމްއޭސީއެލްއިން އިސްމާޢީލް ސިވާންއާ ސުވާލުކޮށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށްފަހު، ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ ދަށުން 1 ޖަނަވަރީ 2017 ގައި ކުންފުނިން ޢަމަލުކުރަން ފެށި ސިޔާސަތުގެ 7 ވަނަ މާއްދާއާ އެއްގޮތްވާގޮތުގެ މަތިން ކުންފުނީގެ ސުލޫކު ކޮމެޓީން އިދާރީގޮތުން އެކަން ތަޙުޤީޤުކޮށް، އޭނާގެ މި ޢަމަލަކީ އެ ސިޔާސަތުގެ 4.6 ވަނަ ނަންބަރާ ޚިލާފަށް ކޮށްފައިވާ މަސައްކަތުގެ އަޚްލާޤާއި އެކަށީގެންނުވާ ޢަމަލެއްކަމަށް ކަނޑައަޅައި، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ނުފެންނާތީ، އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރަން ފެންނަކަމަށް އެ ކޮމިޓީން ލަފާދީފައިވާކަމަށެވެ. އެހެންކަމުން، އެ ލަފާގެ މަތިން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން އިތުރު ނޯޓިސްއެއް ދިނުމަކާއި ނުލައި އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރީކަމަށެވެ.4
އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތު
22. އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވަނީ އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ 4.6 ވަނަ މާއްދާގެ ދަށުންކަމަށް ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމުގައި ޙަވާލާދީފައިވެއެވެ. އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތު 4.6 ވަނަ މާއްދާގައި ވަނީ އަންނަނިވި ފަދައިންނެވެ.
ކުންފުންޏަށް މާލީ ގެއްލުމެއް ވެދާނެ ގޮތަކަށް ނުވަތަ ކުންފުނީގެ ރީތި ނަމާއި ތަސައްވުރަށް ނުވަތަ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮންނަ އެއްބައިވަންތަކަމަށް ނޭދެވޭ އަސަރެއް ކޮންފާނެފަދަ ގޮތަކަށް ސޯޝަލް މީޑިއާގައި ނުވަތަ ކުންފުނީގެ މަސައްކަތުގެ މާޙައުލުގައި މަސައްކަތުގައި އުޅޭ ވަގުތު ނުވަތަ މަސައްކަތުން ބޭރުގައި ނަމަވެސް، ޢާންމުންގެ މެދުގައި ރުޅިވެރިކަމާއި ފިތުނަ އުފެދޭ ޒާތުގެ ވާހަކަތައް ދައްކާ މުވައްޒަފުންނާއި، ސިޔާސީ ޒުވާބުކުރާ މުވައްޒަފުންނާމެދު އެކަށީގެންވާ އިދާރީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު ކުންފުންޏަށް ލިބިގެންވެއެވެ.
23. އޭޕްރިލް 2017 ގައި ފޭސްބުކްގައި އިސްމާޢީލް ސިވާން ހިއްސާކުރި އިބާރާތްކޮޅާ ގުޅިގެން އިސްމާޢީލް ސިވާން އެމްއޭސީއެލްއަށް ބަޔާންދީފައިވާއިރު، އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި ފިޔަވަޅު އެޅުމާބެހޭ ސިޔާސަތަށް އިސްލާޙު ގެނެސް ޢަމަލުކުރަން ފަށާފައިވަނީ 01 ޖަނަވަރީ 2017 ގައިކަމަށް ހުށަހެޅުނު ލިޔެކިޔުންތަކުން އެނގެންއޮވެއެވެ.
24. އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރިއިރު ހަވާލާދީފައިވާ އެ ސިޔާސަތުގެ 4.6 ވަނަ މާއްދާއަކީ އެ ސިޔާސަތުގެ 4 ވަނަ މާއްދާގެ ދަށުން އިދާރީ ފިޔަވަޅު އެޅުމާބެހޭ ބައިގައި ހިމެނިފައިވާ މާއްދާއެއްކަން ފާހަގަކުރެވެއެވެ. 4.1 ގައި މުވައްޒަފަކާމެދު އިދާރީ ފިޔަވަޅު އެޅުމުގެ މަޤުސަދަކީ މަސައްކަތުގެ މާޙައުލުގައި މަސައްކަތުގެ ސުލޫކާ ގުޅޭގޮތުން މުވައްޒަފުން ހިންގާ ނޭދެވޭ ޢަމަލުތައް އިޞްލާޙުކުރުންކަމަށް ބަޔާންކޮށްފައިވެއެވެ. އަދި 4.2 ގައި މުވައްޒަފު ހިންގާ ކުށްތަކާއި ގުޅިގެން އެކަށީގެންވާ އިދާރީ ފިޔަވަޅު އެޅުމުގެ ޙައްޤު ކުންފުންޏަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، އިދާރީ ފިޔަވަޅުގެ ގޮތުގައި އެޅޭނެ ފިޔަވަޅުތައް 4.2 ގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ކައުންސެލިންގ ދިނުމާއި، އަނގަބަހުން ނަސޭހަތްތެރިވުމާއި، ލިޔުމުން އިންޒާރުދިނުމާއި، އެންމެ ފަހުގެ އިންޒާރު ދިނުމާއި އުޖޫރައާއި ނުލައި 14 ދުވަހުގެ މުއްދަތަށް ތަޙުޤީޤަށްޓަކައި މަސައްކަތަށް ނުނެރެ ބެހެއްޓުން އަދި ވަޒީފާގެ މަޤާމު ދަށްކުރުން ހިމެނޭކަމަށް ބަޔާންކޮށްފައިވެއެވެ.
25. ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ 8 ވަނަ މާއްދާގައި ނޯޓިސް ދިނުމަކާ ނުލައި އެމްއޭސީއެލްއިން މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެގޮތް ބަޔާންކޮށްފައިވެއެވެ. އެ މާއްދާގެ ދަށުން، އެ ސިޔާސަތުގެ އެނެކްސް 2 ގައިވާ ޢަމަލެއް އެއްވެސް މުވައްޒަފަކު ހިންގައިފިނަމަ، ނުވަތަ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއާ ހަވާލާދީ މުވައްޒަފުގެ މަސައްކަތުގެ އަޚްލާޤު އެކަށީގެންނުވާނަމަ، ނޯޓިސް ދިނުމަކާ ނުލައި އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެއެވެ.
ނޯޓިހެއްދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރުން
26. ނޯޓިހެއް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރެވޭނެ ޙާލަތުތައް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބަޔާންކޮށްފައިވެއެވެ. އެ މާއްދާގައިވަނީ އަންނަނިވި ފަދައިންނެވެ.
23 (ހ) ނޯޓިހެއް ދިނުމަކާއި ނުލައި ވަޒީފާއަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއްކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތުތަކުގައެވެ.
(ށ) މި މާއްދާގެ (ހ) ގައި ބުނެފައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވި ޙާލަތްތަކުގައެވެ.
(i) ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާތަނަށް ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން؛
(ii) ޚިޔާނާތެއް ވެފައިވުން.
27. ނޯޓިހެއް ދިނުމަކާއި ނުލައި ވަޒީފާއިން ވަކިކުރުމުގައިވެސް، މައުލޫއީ އަދުލުވެރިކަމާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރަންޖެހޭކަން މީގެ ކުރިން ކޯޓުތަކުން ނިންމާފައިވާ އެތައް މައްސަލައަކުން އެނގެން އޮވެއެވެ. އަދި މުވައްޒަފު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ހުށަހަޅާ ދަޢުވާއެއްގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަން ވަޒީފާއާބެހޭ ޤާނޫނުގެ 27 ވަނަ މާއްދާއަށް ބެލުމުން އެނގެއެވެ. މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައިވާނަމަ، އެ މުވައްޒަފަކަށް ބަދަލުދިނުމަށް އަމުރުކުރުމުގެ އިޚްތިޔާރު ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިބިގެންވާކަމަށް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވެއެވެ.
28. ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް5 ގަޒިއްޔާގައި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމަށް ޢަދުލުވެރި ސަބަބެއް އޮތްކަމުގައި ބެލެވޭނީ ދެ ޙާލަތެއްގައި ކަމަށް ބަޔާންކޮށްފައިވެއެވެ. އެއީ (i) ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްކުރުމާއި، އަދި (ii) ޚިޔާނާތެއް ވެފައިވުމެވެ.6
29. އެ ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ 33 ވަނަ ޕެރެގްރާފުގައި ޣައިރު ސުލޫކީ ޢަމަލާ ގުޅޭގޮތުން ބަޔާންކުރައްވާފައިވަނީ އަންނަނިވި ފަދައިންނެވެ.
ކޮންމެކޮންމެ ޣައިރުސުލޫކީ އަމަލަކީ (misconduct) އެ އަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހުއްދަކުރާ ކަމަކަށްނުވެ ހިނގައިދާނެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފުކުރި އަމަލަކީ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއް (gross misconduct) ކަމަށް ވާނަމައެވެ. އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއްކަމަށް ބެލެވޭނީ، މުވައްޒަފުކުރި އަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަމަލެއް ކަމަށް ވާނަމައެވެ. މުވައްޒަފުގެ ޣައިރުސުލޫކީ އަމަލަކީ (1) ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށް ވާނަމަ، ނުވަތަ (2) އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވާނަމަ، ނުވަތަ (3) އެ ކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއް ކަމަށް ވާނަމަ، އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކަމަށް ބެލެވިދާނެއެވެ.
30. މީގެ އިތުރުން، ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ ޢަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ބާވަތާއި، އެ މުވައްޒަފުގެ މަގާމާއި މަސްއޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ ޢަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާކަމެއް ކަމަށާއި، ޣައިރުސުލޫކީ ޢަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވާކަމަށް އެ ގަޒިއްޔާގައި އިތުރަށް ބަޔާންކޮށްފައިވެއެވެ.7
އުސޫލު ތަޠުބީޤުކުރުން
31. އެމްއޭސީއެލްއަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ މައި އެއް ކުންފުނިއެވެ. ރާއްޖެއިން ފުރުމާއި އެތެރެވުމުގައި އެކި ފަންތީގެ މީހުންނަށް އެމްއޭސީއެލްގެ މުވައްޒަފުންގެ ޚިދުމަތް ލިބިދެވޭއިރު، ވަޒީފާގެ ދައުރުގެ ތެރެއިން ޚިދުމަތް ދިނުމުގައާއި އޮފީހުން ބޭރުގައިވެސް މުވައްޒަފުންގެ ސުލޫކާއި އަޚުލާޤު ވަކި ހަމައެއްގައި ބެހެއްޓުމަކީ އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުންވެސް އެކަމަށް ބާރު އަޅާކަމެއްކަން ފާހަގަކުރެވެއެވެ.
32. އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްވާގޮތަށް ހުތުރު ބަހުން މީހަކު ހަދާފައިއޮތް ފޭސްބުކް ޕޯސްޓެއް ހިއްސާކުރުމުން ކަމުގައިވާއިރު، މި މައްސަލައިގައި އުފެދޭ ސުވާލަކީ އިސްމާޢީލް ސިވާން ކުޅަ އެ ޢަމަލަކީ އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ ދަށުން ނުވަތަ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމަށް ފުދޭ އެކަށީގެންވާ ސަބަބެއްތޯ ނުވަތަ ނޫންތޯއެވެ.
33. ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އެމްއޭސީއެލްގެ ފަރާތުން ދައްކާފައިވާ ވާހަކައަށް ބަލާއިރު، އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވަނީ ބަދު ދުޢާގެ ޕޯސްޓެއްކުރުމުން ކަމަށާއި، މި ޢަމަލުގެ ސަބަބުން ކުންފުނީގެ އަގު ވެއްޓިފައިވާކަމަށާއި، އަދި އިސްމާޢީލް ސިވާންއަކީ ވީ.ވީ.އައި.ޕީންނާއި ވީ.އައި.ޕީންނަށް އެކްސެސް އޮންނަ ފަރާތެއްކަމުން، ލައުންޖުން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ދޭންޖެހޭ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކޮށްފާނެކަމަށް ބެލުމުގެ ޖާގައޮތްކަމަށް އެމްއޭސީއެލްއިން ބުނެފައިވެއެވެ.8 އަދި އިސްމާޢީލް ސިވާން ހިއްސާ ކޮށްފައިވާ ޕޯސްޓަކީ ހަރުކަށި ސިޔާސީ ފިކުރުގެ ޕޯސްޓެއްކަމަށް ސިފަކޮށް އެމްއޭސީއެލްގެ ފަރާތުން ހައިކޯޓުގައި ވާހަކަ ދައްކާފައިވާކަން ފާހަގަކުރެވެއެވެ.
34. އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކޮށްފައިވަނީ އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ 4.6 ވަނަ މާއްދާގެ ދަށުންކަމަށް ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމުގައި ޙަވާލާދީފައިވާއިރު، އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލްއާއި ހައިކޯޓުގައިވެސް މި މާއްދާއަށް އެމްއޭސީއެލްއިން ހަވާލާ ދީފައިވާއިރު، އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ 4 ވަނަ ނަންބަރުގައި ބަޔާންކުރަނީ އިދާރީ ފިޔަވަޅު އެޅުމާބެހޭ ގޮތުންނެވެ.
35. މި ގަޒިއްޔާގެ 24 ވަނަ ޕެރެގްރާފްގައި ފާހަގަކޮށްފައިވާ ފަދައިން، އިދާރީ ފިޔަވަޅުގެ ގޮތުގައި އެޅޭނެ ފިޔަވަޅުތަކަކީ ކޮބައިކަން އެ ސިޔާސަތުގެ 4.2 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. 4.6 ވަނަ މާއްދާގައި ކުންފުނީގެ މުވައްޒަފުން ކުރުން މަނާ ޢަމަލުތަކެއް ބަޔާންކޮށްފައިވާއިރު، އެފަދަ ޢަމަލެއް ކުރި ފަރާތެއްގެ މައްޗަށް އިދާރީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރު އެމްއޭސީއެލްއަށް ލިބިގެންވާކަމަށް އެ ސިޔާސަތުގެ 4.6 ވަނަ މާއްދާގައި ބަޔާންވެފައިވެއެވެ.
36. އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރީ އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ 4.6 ވަނަ މާއްދާގެ ދަށުން ކަމުގައިވާނަމަ، އެ މާއްދާގެ ދަށުން އެމްއޭސީއެލްއަށް ލިބިދެވިފައިވަނީ އިދާރީ ފިޔަވަޅު އެޅުމުގެ އިޚްތިޔާރުކަން 4.6 ވަނަ މާއްދާގެ އިބާރާތަށް ބެލުމުން ސާފެވެ. އެ މާއްދާއާ ހަވާލާދީ އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރުމުގެ ބާރު އެމްއޭސީއެލްއަށް ލިބިދެވިފައިނުވެއެވެ.
37. ބަހުސްގެ ބޭނުމަށްޓަކައި، އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތުގެ 8 ވަނަ މާއްދާގައި ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނެ ހާލަތްތައް އެ ސިޔާސަތުގެ އެނެކްސް 2 ގައި ބަޔާންކޮށްފައިވާއިރު، އިސްމާޢީލް ސިވާން ކުރިފަދަ ޢަމަލެއް އެ ލިސްޓުގައިވެސް ހިމެނިފައިނުވެއެވެ.
38. އެހެންކަމުން ހަމައެކަނި އެމްއޭސީއެލްގެ ސުލޫކީ ކަންކަމުގައި އިދާރީ ފިޔަވަޅު އެޅުމާބެހޭ ސިޔާސަތަށް ބަލާނަމަ، އެ ސިޔާސަތުގައި ކަނޑައެޅިފައިވާ ގޮތުގެ މަތިން އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރަންޖެހޭ ފަދަ ހާލަތެއް އެމްއޭސީއެލްއަށް ދެއްކިފައިނުވެއެވެ.
39. ދެން އުފެދޭ ސުވާލަކީ ވަޒީފާއާ ބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ބޭނުމަށްޓަކައި އިސްމާޢީލް ސިވާން ކުޅަ ޢަމަލަކީ އޭނާ ވަޒީފާގައި ބެހެއްޓުމަށް އެކަށީގެންނުވާ ޢަމަލެއްކަމުގައި ބެލެވިދާނެތޯއެވެ. ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް9 ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލު މި މައްސަލައަށް ތަޠުބީޤުކުރާއިރު، އެއިރުގެ ރައީސުލްޖުމްހޫރީއްޔާއަށް ހުތުރުބަހުން ނިސްބަތްކޮށް މީހަކު ހަދާފައިވާ ޕޯސްޓެއް އިސްމާޢީލް ސިވާން ފޭސްބުކްގައި ހިއްސާކުރުމަކީ ދެ ފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަދި ފާޅުކަން ބޮޑު ޣައިރު ސުލޫކީ ޢަމަލެއްތޯ ބަލަންޖެހެއެވެ.
40. އެގޮތުން، އިސްމާޢީލް ސިވާންއަކީ ވީ.ވީއައި.ޕީންނާއި ވީ.އައި.ޕީންނަށް އެކްސެސް އޮންނަ މުވައްޒަފެއްކަމަށް އެމެއޭސީއެލްއިން ބުނެއެވެ. އަދި އިސްމާޢީލް ސިވާން ހިއްސާ ކޮށްފައިވާ ޕޯސްޓު ރައްދުވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް ކަމަށްވާތީ، ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ހައިސިއްޔަތުން އޭރުގެ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ރައްކާތެރިކަމަށް އަސަރުކުރުމުގެ ޖާގައޮތްކަމަށް އެމްއޭސީއެލްއިން ބުނެއެވެ.
41. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި 28 ވަނަ މާއްދާއިން މުއާޞަލާތީ ވަސީލަތްތައް ބޭނުންކޮށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އަދި 30 ވަނަ މާއްދާއިން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤު ކޮންމެ ރައްޔިތަކަށްމެ ލިބިގެންވެއެވެ. ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އޮތް އެކަށީގެންވާ ސަބަބެއް ނޫންކަން ވަޒީފާއާބެހޭ ޤާނޫނުގައިވެސް ކަނޑައަޅާފައިވާ އުސޫލުތަކަށް ބެލުމުން އެނގެއެވެ.10
42. އިސްމާޢީލް ސިވާންގެ ފަރާތުން ޤާނޫނުއަސާސީގައި ބަޔާންވެދިޔަ ޙައްޤުތައް ފާހަގަކޮށްފައިވީނަމަވެސް، މި މައްސަލައިގައި އެމްއޭސީއެލްއިން އިސްމާޢީލް ސިވާންގެ މައްޗަށް ތުހުމަތުކުރަނީ އޭނާގެ އަޚްލާޤު ވަކި މިންގަނޑަކަށް ނުބެހެއްޓުމުގެ މައްސަލައެވެ. އަދި ނަތީޖާއެއްގެ ގޮތުން، އެއަރޕޯޓުގައި ސެކިޔުރިޓީ ތްރެޓެއްކަމަށް ބެލުމުގެ އިހްތިމާލުއޮތުމެވެ.
43. ތެދެކެވެ. އިސްމާޢީލް ސިވާން އަދާކުރާ ވަޒީފާއަށް ބަލާފައި އޭނާ ފޭސްބުކްގައި އަލުން ހިއްސާކޮށްފައިވާ ޕޯސްޓަކީ އިޖުތިމާއީ މިންގަނޑުންވެސް އެކަށީގެންވާގޮތަކަށް ބަސްމަގު ހުރި ޕޯސްޓެއް ނޫންކަމަށް އަހުރެންވެސް ޤަބޫލުކުރަމެވެ. އެކަމަކު އިސްމާޢީލް ސިވާންއަކީ އެމްއޭސީއެލްއަށް 08 (އަށެއް) އަހަރު ޚިދުމަތްކޮށްދީފައިވާ މުވައްޒަފެއް ކަމުގައިވާއިރު، އެ މުއްދަތުގެ ތެރޭގައި އިސްމާޢީލް ސިވާންއާމެދު އެއްވެސް އިދާރީ ފިޔަވަޅެއް މީގެ ކުރިން އަޅާފައިނުވާކަމަށް އިސްމާޢީލް ސިވާން ބުނާ ބުނުން އެމްއޭސީއެލްއިންވެސް ނަފީނުކުރެއެވެ. އަދި މި ހާދިސާ ހިނގާ ދިޔުމަށްފަހުވެސް މިފަދަ ޢަމަލުތައް ދެން އޭނާގެ ކިބައިން ތަކުރާރު ނުވާނެކަމަށް ބުނެ އިސްމާޢީލް ސިވާން މަޢާފަށް އެދިފައިވާކަން ވެސް ހުށަހެޅިފައިހުރި ލިޔެކިޔުންތަކުން އެނގެން އޮވެއެވެ.
44. އިސްމާޢީލް ސިވާން އެއަރޕޯޓުގެ ވީ.އައި.ޕީ ޑްރައިވަރަކަށް އުޅުމަކީ ރައީސުލްޖުމްހޫރިއްޔާއަށްވެސް އޮތް ސެކިޔުރިޓީ ރިސްކެއްކަމަށް އެމްއޭސީއެލްގެ ފަރާތުން ބުނިނަމަވެސް، ރައީސުލްޖުމްހޫރިއްޔާއަށް ސެކިއުރިޓީ ވަކި ޕްރޮޓޮކޯލްއެއް ހަމަޖެހިފައި އޮންނަކަމަށް އެމްއޭސީއެލްއިން ސުޕްރީމް ކޯޓުގައިވެސް އެއްބަސްވެއެވެ.
45. އިސްމާޢީލް ސިވާން ހިއްސާކުރި ޕޯސްޓަކީ ސިޔާސީ ހަރުކަށި ފިކުރުކަމުގައި އެމްއޭސީއެލްއިން ބުނިނަމަވެސް، އެ ޕޯސްޓުގައިވަނީ ވަރަށް ހުތުރުބަހުން އެއިރުގެ ވެރިޔާގެ ކިބައިން ޤައުމު ސަލާމަތްކޮށްދިނުމަށް އެދި ދުޢާކޮށްފައެވެ. އަދި އެ ޕޯސްޓަކީ އިސްމާޢީލް ސިވާން އަމިއްލައަށް ލިޔެ ތައްޔާރުކުރި ޕޯސްޓެއް ކަމުގައި ނުވާއިރު، މިފަދަ ޕޯސްޓެއް ހިއްސާކުރުމަކީ އިސްމާޢީލް ސިވާން އަދާކުރާ ވަޒީފާގެ ހައިސިއްޔަތުން،
(ހ) ދެފަރާތު ދެމެދު އޮތް ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުވުން ކަމުގައި ބެލުމުގެ ފުރުސަތު، ނުވަތަ
(ށ) އިސްމާޢީލް ސިވާންއާއި އެމްއޭސީއެލްއާ ދެމެދު ވަޒީފާ އަދާކުރުމުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލެންޖެހޭފަދަ ސަބަބެއް، ނުވަތަ
(ނ) އިސްމާޢީލް ސިވާން އެމްއޭސީއެލްއަށް އަދާކުރަންޖެހޭ އިލްތިޒާމްތަކަށް އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފުވާ ކަމެއްކަމަށް
އެމްއޭސީއެލްއަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ދެއްކިފައިވާކަމަކަށް އަހުރެންނަށް ޤަބޫލެއް ނުކުރެވެއެވެ. އަދި އެ ޢަމަލުގެ ސަބަބުން އިސްމާޢީލް ސިވާންއަށް ތެދުވެރިކަމާއެކު ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅިދާނެކަމަށް އެމްއޭސީއެލްއަށް ދެއްކިފައިނުވެއެވެ.
46. އަދި އިސްމާޢީލް ސިވާން އެމްއޭސީއެލްގައި ހުރި މަޤާމުގެ ގޮތުން މިފަދަ ޕޯސްޓެއް ހިއްސާ ކުރުމަކީ ކަމުގެ ސީރިއަސްކަން އިތުރުވާ ކަމެއްކަމަށް އެމްއޭސީއެލްއިން ބުނެފައިވާއިރު، އެމްއޭސީއެލްގެ މި މަޤާމު ނޫން އެހެން މަޤާމެއްގައި އިސްމާޢީލް ސިވާން ހުރިނަމަ އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އިދާރީ އެހެން ފިޔަވަޅެއް އެޅުމަށް ރިޢާޔަތްކުރެވިދާނެ ކަމަށް އެމްއޭސީއެލްގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައި އޮތުމުން، އިސްމާޢީލް ސިވާން އެމްއޭސީއެލްގެ ތެރޭގައި އެހެން މަޤާމަކަށްވެސް ހަމަޖެއްސުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވެއެވެ.
47. އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް11 ގަޒިއްޔާގައި ފަނޑިޔާރު ހުސްނުއްސުޢޫދު ފާހަގަކުރައްވާފައިވާ ފަދައިން، ކޮންމެ ކޮންމެ ޣައިރު ސުލޫކީ ޢަމަލަކީ އެ ޢަމަލެއްގެ ސަބަބުން މީހަކު ވަގުތުން ވަޒީފާއިން ވަކިކުރަންޖެހޭވަރުގެ ޢަމަލަކަށް ނުވެދާނެއެވެ. މުވައްޒަފެއްގެ ކިބައިން ހިނގާ ނޭދެވޭ ސުލޫކީ ޢަމަލުތަކާމެދުވެސް ފިޔަވަޅު އަޅަންވާނީ އެ ޢަމަލެއްގެ ކުޑަބޮޑުމިނަށް ބަލައި، އެ ޢަމަލަކާ އެކަށީގެންވާ ގޮތަކަށެވެ. ސިޔާސީ ހަރުކަށި ފިކުރު ދެއްކުމަކީ މުވައްޒަފެއްގެ ކިބައިން ފެނުން އެދެވިގެންވާ ކަމެއް ކަމުގައިނުވާއިރު، ވަޒީފާދޭ ފަރާތުންވެސް އެފަރާތުގެ ޢަމަލުތައް ބެހެއްޓުމުގައި މިފަދަ ހަރުކަށިކަން ދައްކައިގެން ނުވާނެއެވެ.
48. ވުމާއެކު، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އިސްމާޢީލް ސިވާން އެމްއޭސީއެލްގެ ވީ.އައި.ޕީ ޑްރައިވަރުކަމުގެ މަޤާމުން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަމުގައި ނުވާތީ، މި މައްސަލައިގައި މައުލޫއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައަޅާފައިވަނީ ޤާނޫނާ އެއްގޮތަށްކަމުގައި އަހުރެން ނުދެކެމެވެ.
49. އަދި އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރުމުގައި މައުލޫއީ ޢަދުލުވެރިކަން ޤާއިމްކޮށްފައިނުވާތީ، މި ޙާލަތުގައި އިޖުރާއީ އަދުލުވެރިކަން ޤާއިމްކޮށްފައިވޭތޯ ބެލުމަކީ ކޮންމެހެން ބޭނުންކަމެއް ކަމުގައި އަހުރެން ނުދެކެމެވެ. އެހެނީ މައުލޫއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވުމުގެ މާނައަކީ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި ކަމުގައިވުމެވެ. އަދި އެކަށީގެންވާ ސަބަބެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ހާލަތުގައި، ވަޒީފާ ދޭ ފަރާތުން އިޖުރާއީ ގޮތުން ކަންކަން ފުރިހަމަކޮށްފައިވޭތޯ ބެލުމަކުން މައްސަލައިގެ ނަތީޖާއަށް އެއްވެސް ބަދަލެއް ނާންނާނެތީއެވެ.
ވަޒީފާއަށް އަލުން އަނބުރާ ރުޖޫއަކުރުން
50. ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްމާޢީލް ސިވާންގެ ފަރާތުން އެދިފައިވަނީ އޭނާ އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، 4 މެއި 2017 އިން ފެށިގެން ވަޒީފާ ލިބޭ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިދިނުމަށެވެ.
51. މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލަށް ނުވަތަ ކޯޓަށް ފެނިއްޖެނަމަ، ހޯދައިދެވޭނެ ހައްލުތައް ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، އެ މާއްދާގެ (ހ) ގެ ދަށުން މުވައްޒަފަކަށް ލިބިދެވޭ މައިގަނޑު 3 ޙައްލަކީ؛
(ހ) މުވައްޒަފަކު ކުރިން އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި އޭނާއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކުރުން
(ށ) މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުމަށް އަމުރުކުރުން
(ނ) ބަދަލު ދިނުމަށް އަމުރުކުރުން
52. ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އަށް ބެލުމުން މުވައްޒަފަކު ވަކިކުރިއިރު ހުރި ވަޒީފާގައި ބެހެއްޓުމަށް ނުވަތަ އެވަޒީފާއާގުޅޭ، ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށް އިސްކަންދޭންޖެހޭކަން އެނގެއެވެ.
53. ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން12 ގަޒިއްޔާގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔުގެ ޕެރެގްރާފް 51 ގައި ބަޔާންކުރައްވާފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 29 ވަނަ މާއްދާގެ (ށ) އިން އެނގެނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ހައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުންކަމަށެވެ. ނަމަވެސް މުވައްޒަފަކު ވަޒީފާއަށް އަލުން އަނބުރާ ރުޖޫއަކުރުމަކީ އަދާލަތުގެ ހައްލެއް ކަމުގައިވާ، ވަކިގޮތަކަށް ޢަމަލުކުރުމުގެ އަމުރެއް ނެރުން ކަމުގައިވާއިރު، އެފަދަ އަމުރެއް ނެރުމުގައި ހުރަސްތަކެއް ހުރެދާނެކަމަށެވެ.13 އެހެންކަމުން، ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އެޅޭ ފަދަ ހާލަތެއް ނުވަތަ އެކަން ޢަމަލީ ގޮތުން ކުރެވެން ނެތް ހާލަތެއް އޮތްތޯ ބަލަންޖެހޭކަމަށެވެ. އަދި އެފަދަ ހާލަތެއް އޮތްކަމަށް ބެލެވޭނީ، މުވައްޒަފާއި ވަޒީފާދިން ފަރާތާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން، ނުވަތަ ވަޒީފާއިން ވަކިކުރާ ތާރީޚާއި ވަޒީފާ ދިނުމަށް އަމުރުކުރާ ތާރީޚާ ދެމެދު އެކަށީގެންވާވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން، ނުވަތަ ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން، ނުވަތަ ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ހާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުމެވެ.14
54. ހަމަ އެފަދައިން މުވައްޒަފަކު ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒިފާއަށް ރުޖޫއަކުރުމަށް ބާރު އަޅާ ހާލަތުތަކެއް ވެސް އެ މައްސަލައެއްގައި ހުރެދާނެކަމަށާއި، އެގޮތުން؛
(ހ) މުވައްޒަފުކުރި ޣައިރުސުލޫކީ ޢަމަލަކީ އެފަދަ ފުރަތަމަ ޢަމަލުކަމަށްވެފައި، އެ ހާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ހައްލަކީ އެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ހާލަތުތަކާއި،
(ށ) އެ ވަޒީފާއަށް އެމުވައްޒަފު ރުޖޫއަ ނުކޮށްފިނަމަ، އެމައްސަލައިގައި ހިމެނޭ މުވައްޒަފުގެ ހުރި ޚާއްސަ ހާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަހީލު ކަމަކަށްވުމުގެ ހާލަތާއި،
(ނ) ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒިފާއަށް ރުޖޫއަ ނުކޮށްފިނަމަ، އެއީ ވަޒީފާދޭފަރާތުގެ އެކަށީގެންނުވާ ޢަމަލުތައް ބަލައިގަތުންކަމަށް ދޭހަވާނޭ ހާލަތުތައް
ހިމެނޭކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގަޒިއްޔާގައި އިތުރަށް ފާހަގަކުރައްވާފައިވެއެވެ.15
55. މުވައްޒަފަކު ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަށް ރިޢާޔަތްކުރަންޖެހޭ ކަންކަން ހުށަހެޅިފައިމިވާ މައްސަލައަށް ތަޠުބީޤުކުރާއިރު، އިސްމާޢީލް ސިވާން އެމްއޭސީއެލްގެ ވަޒީފާގައި 2008 އިން ފެށިގެން 2017 އާ ހަމައަށް އުޅުނުއިރު، އެމްއޭސީއެލްއާއި އިސްމާޢީލް ސިވާންއާ ދެމެދު އިތުބާރު ގެއްލޭފަދަ އެއްވެސް ހާދިސާއެއް ނުވަތަ ދެފަރާތު ދެމެދުއޮތް ގުޅުން ހީނަރުވާފަދަ އެއްވެސް ކަމެއް ހިނގާފައިނުވެއެވެ. ހުށަހެޅިފައިމިވާ މައްސަލައިގެ ކުރިއަށް އެއްވެސް ޣައިރުސުލޫކީ ޢަމަލެއްވެސް އިސްމާޢީލް ސިވާންގެ މައްޗަށް ތުހުމަތު ކުރެވިފައިނުވެއެވެ.
56. އެމްއޭސީއެލްއިން ބުނެފައިވަނީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާއަށް ހުތުރުބަހުން މުޚާތަބުކޮށް އެހެން މީހަކު ތައްޔާރުކޮށްފައިވާ ޕޯސްޓެއް އިސްމާޢީލް ސިވާން ހިއްސާކުރުމުން އޭނާ ވަޒީފާއިން ވަކިކުރީ އޭނާ ވީ.އައި.ޕީ ޑްރައިވަރަކަށް އުޅުމުންކަމަށެވެ. އޭނާ އެހެން ސެކްޝަނެއްގެ ޑްރައިވަރަކަށް ހުރިނަމަ މިކަން މިހެން ނުވީސްކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.16
57. ވަކި ސިޔާސީ ފިކުރަކަށް ތާއީދުކުރުމަކީ ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިގެންވާ ޙައްޤެއް ކަމުގައިވާއިރު، އިސްމާޢީލް ސިވާން ކުޅަ ޢަމަލުން ދޭހަވީ އޭނާއަކީ އެއިރުގެ ރައީސުލްޖުމްހޫރިއްޔާއަށް ތާއީދުކުރާ މީހެއް ނޫންކަމެވެ. އެހެން މީހަކު ލިޔެފައިވާ ހުތުރު ޕޯސްޓެއް ހިއްސާ ކުރުމަކީ އިތުރު އެއްވެސް ނަސޭހަތެއް، އިންޒާރެއް ދިނުމެއް ނެތި، ނޯޓިސްއަކާ ނުލައި މީހަކު ވަގުތުން ވަޒީފާއިން ވަކިކުރެވިދާނެ ސަބަބެއްކަމަށް ބަލަންވެއްޖެނަމަ، ތަފާތު ސިޔާސީ ފިކުރަށް ތާއީދުކުރުމަކީ އޮފީހެއްގެ ތިބޭ އިސްވެރިންނާ ސިޔާސީ ޚިޔާލު އެއްގޮތްނުވާ ކޮންމެ ފަހަރަކު، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވިދާނެ ހުއްޖަތަކަށް ވެގެންދާނެއެވެ. ސަރުކާރުވިޔަސް އިދިކޮޅުވިޔަސް އިސްމާޢީލް ސިވާން ހުރި މަޤާމުފަދަ މަޤާމުތަކުގައި ތިބޭ މުވައްޒަފުންގެ ސުލޫކާއި އަޚުލާޤު ބަހައްޓަންޖެހޭނީ ވަކި މިންގަނޑަކަށެވެ. އިސްމާޢީލް ސިވާން ފޭސްބުކް ޕޯސްޓު ހިއްސާކުރީ އޮފީހުގެ މާހައުލުން ބޭރުގައި ކަމުގައިވީނަމަވެސް، އޭނާގެ ޢަމަލާމެދު ޝަކުވާތަކެއް ހުށަހެޅިފައިވާނަމަ، ވަޒީފާއިން ވަކިކުރުމުގެ ކުރިއަށް، ނަސޭހަތް ދިނުން، އިންޒާރު ދިނުން، އެހެން ސެކްޝަނަކަށް ބަދަލުކުރުން ފަދަ އޭނާ ކުޅަ ޢަމަލާއި އެކަށީގެންވާ ފިޔަވަޅު އެޅުމުގެ ފުރުސަތު އެމްއޭސީއެލްއަށް އޮތްކަމަށް އަހުރެންނަށް ޤަބޫލުކުރެވެއެވެ.
58. ކަންމިހެން އޮތުމުން، އިސްމާޢީލް ސިވާން ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަކީ މި މައްސަލައިގައި ދެވޭނެ އެންމެ އިންސާފުވެރި ހައްލުކަމުގައި އަހުރެން ދެކެމެވެ. އަދި އިސްމާޢީލް ސިވާން ވަޒީފާއިން ވަކިކުރިފަހުން އަހަރުތަކެއް ފާއިތުވެފައިވީނަމަވެސް، އިސްމާޢީލް ސިވާން ކުރިން ހުރި ވަޒީފާއަށް ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ އެހެން މަޤާމެއް އިސްމާޢީލް ސިވާންއަށް ހަމަޖައްސައިދިނުމުގެ ޤާބިލުކަން އެމްއޭސީއެލްއަށް ލިބިފައިވާކަމަށް ޤަބޫލުކުރެވެއެވެ.
ބަދަލު ނަގައިދިނުން
59. ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްމާޢީލް ސިވާންގެ ފަރާތުން ގެއްލުމުގެ ބަދަލު ހޯދުމަށްވެސް އެދިފައިވެއެވެ. އެގޮތުން، 4 މެއި 2017 އިން ފެށިގެން ވަޒީފާ ލިބޭ ދުވަހާއި ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތައް އެކީ އެއްފަހަރާ ލިބިގަތުމަށް އެދިފައިވެއެވެ.
60. ވަޒީފާއިން ވަކިކުރާ ތާރީޚުގެ އެތައް އަހަރެއް ފަހުން ވަޒީފާ އަލުން އަނބުރާ ރުޖޫއަކުރުމަށް ކޯޓުތަކުން ކަނޑައަޅާ ހާލަތުގައި، ވަޒީފާއިން ވަކިކޮށްފައިވާ މުޅި މުއްދަތަށް ލިބޭ މުސާރައާއި އެންމެހައި އިނާޔަތްތަކަށްޖެހޭ ޢަދަދު ނަގައިދިނުމަކީ ކޯޓުތަކަށް ލާޒިމުކަމެއް ނޫންކަމަށް މީގެ ކުރިން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.17 ސަބަބަކީ ޝަރުޢީ މަރުހަލާގައި މައްސަލަ ހިނގާތާ އެތައް އަހަރެއް ފާއިތުވާއިރު، ވަޒީފާ ގެއްލުނު ފަރާތުންވެސް އާމްދަނީ ހޯދުމުގެ ގޮތުން އެހެން މަސައްކަތެއް ކުރުން އެކަށީގެންވާއިރު، އެ މުއްދަތަށް ގެއްލުނު ވަޒީފާގެ މުސާރަ ލިބިދެވޭނެކަމަށް ކަނޑައެޅުމަކީ ނުޙައްޤު މުއްސަނދިކަމެއް ވަޒީފާ ގެއްލުނު ފަރާތަށް ލިބުންކަމުގައިވާތީއެވެ.
61. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކުރެވޭ މައްސަލަތަކުގައި، މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތިކަމަށް ކަނޑައެޅިއްޖެ ހާލަތުގައި އެފަދަ މުވައްޒަފަކަށް ބަދަލުގެ ގޮތުގައި ނަގައިދެވޭނެ ވަކި ޢަދަދެއް މި ކޯޓުން ކަނޑައަޅާފައިނުވެއެވެ. ނަމަވެސް މީގެކުރިން ސުޕްރީމް ކޯޓުން ނިންމާފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. މުޙައްމަދު ޢަބްދުﷲ18 ގަޒިއްޔާގައި މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން އެކަށީގެންވާ ސަބަބެއްނެތިކަމަށް ކަނޑައެޅުނު ހާލަތުގައި، އެ މުވައްޒަފުގެ ވަޒީފާ އަލުން އަނބުރާ ރުޖޫއަކުރުމަށް އެންގުމުގެ އިތުރުން، ބަދަލުގެ ގޮތުގައި 6 (ހައެއް) މަސް ދުވަހުގެ އަސާސީ މުސާރައަށްވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅާފައިވެއެވެ.
62. ވުމާއެކު، ހުށަހެޅިފައިމިވާ މައްސަލައިގައިވެސް، އިސްމާޢީލް ސިވާން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމުގައިނުވާތީ، އިސްމާޢީލް ސިވާން ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫއަކުރުން ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ ވަޒީފާއެއް ހަމަޖައްސައިދިނުމުގެ އިތުރުން، ބަދަލުގެ ގޮތުގައި 6 (ހައެއް) މަސް ދުވަހަށްވާ އަސާސީ މުސާރައަށްވާ40,800/- ރ. (ސާޅީސްހާސް އަށްސަތޭކަ ރުފިޔާ) އިސްމާޢީލް ސިވާންއަށް ލިބިދިނުން އެކަށީގެންވާ ކަމުގައި ދެކެމެވެ.
63. ވުމާއެކު، ބަޔާންވެދިޔަ ގޮތުގެ މަތިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 112/VTR/2017 މައްސަލައިގެ ނިންމުމާއި، އެ ނިންމުމަށް ތާއީދުކޮށްފައިވާ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/124 ގަޒިއްޔާގައިވާ ޙުކުމް ބާޠިލުކުރަންޖެހޭކަމަށް އަހުރެންނަށް ބުރަވެވެއެވެ.
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު
64. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
65. މި މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެގޮތަށް ހުރުމާއެކު؛
(1) ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 112/VTR/2017 މައްސަލައިގެ ނިންމުމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2020/HC-A/124 ގަޒިއްޔާގައި ކޮށްފައިވާ ޙުކުމް ބާޠިލުކަމަށް ކަނޑައަޅައި،
(2) މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގައި އިސްމާޢީލް ސިވާން އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) އާ ޚިލާފަށްކަމުގައި ކަނޑައަޅައި، އިސްމާޢީލް ސިވާންއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމުގައި ނުބެލުމަށް އަމުރުކޮށް،
(3) މިއަދު 14 ޖޫން 2023 އިން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި އިސްމާޢީލް ސިވާން އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އެ ވަޒީފާއާ އެއް ފެންވަރެއްގެ އެހެން ވަޒީފާއެއް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑުން ހަމަޖެއްސުމަށް އަމުރުކޮށް،
(4) އިސްމާޢީލް ސިވާންއަށް 40,800/-ރ. (ސާޅީސްހާސް އަށްސަތޭކަ ރުފިޔާ) މިއަދު، 14 ޖޫން 2023 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ދެއްކުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ މައްޗަށް އަމުރުކޮށް،
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: ޢަލީ ރަޝީދު ޙުސައިން އަޒްމިރާލްދާ ޒާހިރު މުޙައްމަދު އިބްރާހީމް (ރިޔާސަތު)
1 ޤާނޫނު ނަންބަރު 2/2008
2 އެމް.އޭ.ސީ.އެލްގެ ނަންބަރު (T)HR/2017/38 ޓަރމިނޭޝަން ސްލިޕް
3 ސުޕްރީމް ކޯޓުގެ 2014/SC-A/27 ގަޒިއްޔާ
4 އެމްއޭސީއެލްގެ ފަރާތުން 12 ސެޕްޓެމްބަރު 2017 ގައި ޙަސަން ޝިޔާމް މުޙައްމަދު ދީފައިވާ ބަޔާން
5 ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 ގަޒިއްޔާ
6 އބމ، ޕެރެގްރާފް 32
7 އބމ ގެ 34 ވަނަ ޕެރެގްރާފު
8 ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި 12 ސެޕްޓެމްބަރު 2017 ގައި އެމްއޭސީއެލްގެ ފަރާތުން ޙަސަން ސިޔާމް މުޙައްމަދު ދީފައިވާ ބަޔާން
9 ފުޓް ނޯޓު 8
10 ވަޒީފާއާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 2008/2) ގެ 4 ވަނަ މާއްދާއާއި 21 ވަނަ މާއްދާގެ (ށ)
11 ފުޓް ނޯޓު 8
12 2018/SC-A/49
13 އބމ ޕެރެގްރާފް 52
14 އބމ ޕެރެގްރާފް 53
15 އބމ ޕެރެގްރާފް 54
16 2 މާރޗް 2022 ގައި ސުޕްރީމް ކޯޓުގައި ބޭއްވުނު އަޑުއެހުމުގައި އެމްއޭސީއެލްގެ ފަރާތުން ދައްކާފައިވާ ވާހަކަ
17 މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން (2018/SC-A/49) ޕެރެގްރާފް 61
18 [2021] SC 07
2021/SC-A/86 [2023] SC 28
2019/SC-A/300 [2021] SC 778
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.