ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
[2025] SC 25 · 2024/SC-A/18

ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް) ވ. ޢާއިޝަތު ރަޝީދު

ސުޕްރީމް ކޯޓުބައެއް ބަދަލުކުރި
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 6 ނޮވެމްބަރު 2025ބާވަތް: މަދަނީ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މުވައްޒަފު ދަށުކޯޓުގައާއި ހައިކޯޓުގައި ވަޒީފާއަށް ރުޖޫޢަކުރުމަށް ނޭދިއިރު ކޯޓުގެ އަމިއްލަ އިސްނެގުމަށް ނޭދޭ ފަރުވާއެއް ކަމަށްވާ ވަޒީފާ ރުޖޫޢަކުރުން ހައިކޯޓުން ނަގައިދެވިދާނެތޯއާއި، ވަޒީފާ ރުޖޫޢަނުކުރާ ޙާލަތުގައި ޙައްޤުވާ ބަދަލު ކަނޑައަޅާނެ ގޮތް.

ނިންމުން

ބައެއް ބަދަލުކުރި

ބައެއް ބަދަލުކުރި: ވަޒީފާ ރުޖޫޢަކުރުމަށް ހައިކޯޓުން ނިންމި ބައި ބާޠިލު، ބަދަލު 6 މަހުން 1 އަހަރުގެ މުސާރައާއި ޢިނާޔަތަށް ބަދަލުކުރި، ބާކީ ބައިތައް ޤާއިމް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ހައިކޯޓަށް އިސްތިއުނާފުކުރެވޭ މައްސަލަތައް ބަލަނީ ދަށުކޯޓަށް ހުށަހެޅުނު ކަންކަން އަސާސަކަށް ބަލައިގެންނެވެ. ދަށުކޯޓުން ގޮތެއް ކަނޑަނާޅާ ނުވަތަ ދަށުކޯޓަށް ހުށަހަޅައި ބަހުސްކުރެވިފައި ނުވާ ކަމެއްގެ މައްޗަށް އިސްތިއުނާފީ މަރުޙަލާގައި ގޮތެއް ކަނޑައެޅުމެއް ނުވާނެއެވެ. އަދި ދަށުކޯޓުގައި ޚަޞްމަކު ނޭދޭ ފަރުވާއެއް ހައިކޯޓުން ނަގައިދިނުމެއް ވެސް ނުވާނެއެވެ.

HN2 ކޯޓަށް ހުށަނޭޅޭ ކަމެއްގެ މައްޗަށް ގޮތެއް ކަނޑައެޅުމާއި ނޭދޭ ޙައްލެއް ފޯރުކޮށްދިނުމަކީ ރާއްޖޭގައި ޢަމަލުކުރާ އިޖުރާއަތުތަކާ ޚިލާފުވުމުގެ އިތުރުން އިންޞާފު ޤާއިމުކުރުމުގެ ޠަބީޢަތާ މުޅިން ޚިލާފު ކަމެކެވެ. މި އުޞޫލު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު (2013/SC-A/44) ގައި ކަނޑައަޅާފައިވާއިރު، މިހާރު މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގައިވެސް ބަޔާންކޮށްފައިވެއެވެ.

HN3 ވަޒީފާއަށް ރުޖޫޢަކުރުމަށް މުވައްޒަފު އެއްވެސް މަރުޙަލާއެއްގައި އެދިފައި ނުވާނަމަ، ވަޒީފާއަށް ރުޖޫޢަކުރުމަށް ހައިކޯޓުން ނިންމުމަކީ އިސްތިޤްރާރުވެފައިވާ ހަމަތަކާ ޚިލާފު ނިންމުމެކެވެ.

HN4 ވަޒީފާއާބެހޭ މައްސަލަތަކުގައި ބަދަލަކީ މަޙުދޫދުކުރެވިފައިވާ އެއްޗެއް ނޫނަސް، ޙުދޫދެއް ނެތި މުޅި މުއްދަތަށް މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަކީ ލާޒިމުކުރެވޭނެ ކަމެއް ނޫނެވެ. ނަގައިދެވޭ ކޮންމެ ބަދަލެއްގެ ކުރިން އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތް ބަލައި ވަޒަންކުރުން މުހިންމެވެ.

HN5 ވަޒީފާއަށް ރުޖޫޢަކުރާ ޙާލަތުގައި ބަދަލު ކަނޑައަޅާ ހަމައާއި ތަފާތުކޮށް، ވަޒީފާ ރުޖޫޢަނުކުރާ ޙާލަތުގައި އެހެން ގޮތަކަށް ސާބިތުނުވާނަމަ، މުވައްޒަފަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެއް އަހަރުދުވަހުގެ މުސާރައާއި ޢިނާޔަތްތައް ނަގައިދިނުމަކީ ސުޕްރީމް ކޯޓުން ދަމަހައްޓަމުންދާ ހަމައެކެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
ޑރ. މުޙައްމަދު އިބްރާހީމް، ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަބްދުﷲ ޙަމީދު
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
ޑރ. މުޙައްމަދު އިބްރާހީމް · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު، ޢަބްދުﷲ ޙަމީދު
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޢަބްދުﷲ ޙަމީދު ތާއީދު

1.... ކުރައްވާފައި).

1 ..... ތަޢާރުފު.

1 ..... ކަން ހިނގާފައިވާ ގޮތުގެ ޚުލާޞާ

2.... ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް.

4.... ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް.

7 ..... ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު.

8 ..... ނޭދޭ ފަރުވާއެއް ނަގައިދިނުން.

10 ..... ބަދަލު.

12 ..... މައްސަލަ ނިންމަން ފެންނަގޮތް.

12 ..... ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު.

12 ..... ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު.

12 ..... ޙުކުމް. بـ الدائرة الخيمية ދިވެހި ދައުލަތް (ދިވެހި ފުލުހުންގެ ޚިދުމަތް) ވ. ޢާއިޝަތު ރަޝީދު [2025] SC 25

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު

ޢަބްދުﷲ ޙަމީދު ތާއީދު ކުރައްވާފައި)

ތަޢާރުފު

1. މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/08 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ދިވެހި ދައުލަތުގެ (ދިވެހި ފުލުހުންގެ ޚިދުމަތް) ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން މި ކޯޓުގެ ނަންބަރު 2024/SC-A/18 ޤަޟިއްޔާއިން ބެލި އިސްތިއުނާފީ މައްސަލައެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ސ. ފޭދޫ، […] ޢާއިޝަތު ރަޝީދު ގެ މައްޗަށެވެ.

ކަން ހިނގާފައިވާ ގޮތުގެ ޚުލާޞާ

2. ޢާއިޝަތު ރަޝީދު ދިވެހި ފުލުހުންގެ ޚިދުމަތުގައި އެސިސްޓެންޓް ޑިރެކްޓަރުގެ މަޤާމު (މަދަނީ ވަޒީފާއެއް) ގައި ހުރެ 08 އޮގަސްޓު 2017 ގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ނަގަންޖެހޭ ހުއްދަ²އަކާ ނުލައި ބޭއްވި ހިނގާލުމެއްގައި ބައިވެރި.

ބައިވެރިވިއެވެ. ޢާއިޝަތު ރަޝީދުގެ މި ޢަމަލަކީ ފުލުހުންގެ ގަވާއިދުތަކާއި މަޞްލަޙަތު ފުށުއަރާ ޢަމަލަކަށްވާތީ، ފުލުހުންގެ ޚިދުމަތުގައި އަދާކުރަމުންދިޔަ ވަޒީފާއިން 16 އޮގަސްޓު 2017 ގައި ޢާއިޝަތު ރަޝީދު ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމިއެވެ.

4. ޢާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމަކީ ޤާނޫނުއަސާސީ އާއި ޤާނޫނާ ޚިލާފު ނިންމުމެއް ކަމަށް ކަނޑައަޅައިދިނުމަށާއި، ޢާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިމޭ ތާރީޚާ ހަމައަށް އެ ފަރާތަށް ޙައްޤުވާ މުސާރަ އާއި ޢިނާޔަތުގެ ގޮތުގައި (ސިވިލް ކޯޓަށް މައްސަލަ ހުށަހެޅި ތާރީޚު ކަމުގައިވާ 26 އޮކްޓޫބަރު 2020 ވަނަ ދުވަހާ ހަމައަށް ހިސާބު ޖަހާފައިވާ، 441,111/14ރ. (ހަތަރުލައްކަ ސާޅީސްއެއްހާސް އެއްސަތޭކަ އެގާރަރުފިޔާ ސާދަލާރި) ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލު ނަގައިދިނުމަށް އެދި ދިވެހި ފުލުހުންގެ ޚިދުމަތަށް ރައްދުވާ ގޮތަށް ޢާއިޝަތު ރަޝީދުގެ ފަރާތުން ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ.

ސިވިލް ކޯޓުން މައްސަލަ ނިންމި ގޮތް

5ޢާއިޝަތު ރަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2830/Cv-C/2020 ޤަޟިއްޔާ އިންނެވެ.

6ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ، ޢާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ކަމުގައިވާތީ، ޢާއިޝަތު ރަޝީދުގެ ފަރާތުން އެދިފައިވާ ގޮތުގެމަތިން، މުސާރަ އާއި ޢިނާޔަތްތައް ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިމޭ ދުވަހާ ހަމައަށް ބަދަލު ނަގައި ދެވެން ނެތް ކަމަށް ކަނޑައަޅައެވެ.

7ސިވިލް ކޯޓުގެ ނިންމުން ބިނާކުރި މައިގަނޑު ސަބަބުތަކަކީ؛

(ހ) ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތި ގަވާއިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި ދަޢުވާކުރާ ފަރާތުން ބައިވެރިވެފައިވާކަމަށް ޢާއިޝަތު ރަޝީދުގެ އަމިއްލަ އިޢުތިރާފު ބަހުންނާއި، އެއްވުމުގައި ބައިވެރިވެފައިވާ ފޮޓޯތަކުން އެނގޭކަމާއި، މި އެއްވުމަކީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުއަށް 1 ވަނަ އިޞްލާހު ގެނައުމުގެ ޤާނޫނާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްކަމަށް ތަޙުޤީޤުގައި ފާހަގަކޮށްފައިވާކަން އެނގެން އޮންނަކަން.

(ށ) ފުލުހުންގެ ޤާނޫނުގެ 17 ވަނަ މާއްދާގެ (ށ) އަދި (ނ) އިން ބާރު ލިބިގެން އެކުލަވައިލާފައިވާ ގަވާއިދަކާ ޚިލާފުވުމާއި، ނެރެފައިވާ އޯޑަރުތަކާ ޚިލާފުވުމަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށެއްކަން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 11 ވަނަ މާއްދާގެ (ހ) ގެ 18 ވަނަ ނަންބަރުން އެނގެން އޮންނަކަން.

(ނ) މުވައްޒަފުންގެ މެދުގައި ހަމަނުޖެހުން އުފެދިދާފަދަ ޢަމަލެއްކުރުމާއި އަދި ދިވެހި ފުލުހުންގެ ޚިދުމަތަށް ނުވަތަ ސަރުކާރަށް ހުތުރެއް ލިބިދާފަދަ ގޮތަކަށް ނޭދެވޭ ކަމެއް ކުރުމަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޢާންމު މުވައްޒަފަކާމެދު އިޞްލާޙީ ފިޔަވަޅު އެޅިދާނެ ކަމެއްކަން ވަޒީފާއާބެހޭ ގަވާއިދުގެ 4 107 ވަނަ މާއްދާގެ 04 އަދި 05 ވަނަ ނަންބަރުން އެނގެން އޮންނަކަން.

(ރ) ޢާއިޝަތު ރަޝީދު ބައިވެރިވެފައިވާ އެއްވުމަކީ މީހަކަށް ގެއްލިގެންއުޅޭ ޙައްޤެއް ހޯދައިދިނުމަށް އެއްވި އެއްވުމަކަށްވުރެ ސިޔާސީ ކުލަ ޖެހިގެން ޚާއްޞަކޮށް ފުލުހުން ބަދުނާމުކޮށް ފުލުހުންގެ މައްޗަށް ކަމެއްގެ ތުހުމަތުކޮށް އަޑުއުފުލާ ގޮވުންތައް ގޮވާ ހެދި އެއްވުމެއްކަން އެނގެން އޮތުމާއި އެ އެއްވުމުގެ ބައިވެރިން ގެންގުޅުނު ލިޔުންތަކުންނާއި ބިލްބޯޑުތަކުން މިކަމަށް އިތުރަށް ބާރުލިބިދޭ ހިނދު، މީގެކުރިންވެސް މިފަދަ ކަމަކާ ގުޅިގެން ފުލުހުންގެ ފަރާތުން ޢާއިޝަތު ރަޝީދަށް ނަސޭޙަތްތެރިވެ އަނގަބަހުން ވާހަކަ ދައްކާފައިވާކަން.

(ބ) ޢާއިޝަތު ރަޝީދު ބައިވެރިވި އެއްވުން އިންތިޒާމުކޮށް ބާއްވާފައިވަނީ ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތިކަން ޢާއިޝަތު ރަޝީދަށް އެނގިފައިނުވާކަމާއި އަދި އެގޮތަށް ކަމާބެހޭ ފަރާތްތަކަށް އެއްވުމުގެ ނޯޓިސް ދިނުމަކީ އެއްވުން އިންތިޒާމުކުރާ ފަރާތުގެ ޒިންމާއެއްކަމުގައި އެ ފަރާތުން ބުނިނަމަވެސް، ފުލުހުންގެ ވަޒީފާގައި ހުރެ، ފުލުހުންގެ މަޤުޞަދާއި މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅި، ފުލުހުންގެ މުއައްސަސާގައި މަސައްކަތްކުރާ ފުލުހުންގެ މެދުގައި ހަމަނުޖެހުން 3 ގަވާއިދު ނަންބަރު R-12/2017 4 ގަވާއިދު ނަންބަރު MPS-4/2009-1 (02 ޖަނަވަރީ 2009) އުފެދިދާފަދަ އެއްވުމެއްގައި ބައިވެރިވުމަށްފަހު، އިސްތިއުނާފު ކުރާ ފަރާތުން އެކަމުގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށާއި، ޤާނޫނު ނޭނގޭކަމަށް ބުނުމަކީ ދެއްކޭނެ އުޒުރެއްނޫން ކަމާއި، އެ ފަރާތުގެ ކިބައިން ފެނިފައިވާ ޢަމަލަކީ ފުރަތަމަ ފަހަރުވެސް ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވާ ކަމަކަށްވާތީ، ކުރިން މިކަމަށް ނަޞޭޙަތް ދީފައިނުވިނަމަވެސް، އެ ފަރާތް ވަޒީފާއިން ވަކިކުރުމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުން ނިންމާފައިވަނީ ގަވާއިދާ ޚިލާފަށް ކަމުގައި ބަލާނެ ތަނެއް ނެތްކަމާއި މި ނިންމުމުގައި މައުޟޫޢީ އަދުލުވެރިކަން ޤާއިމުކޮށްފައިވާކަން އެނގެން އޮންނަކަން.

(ކ) ޢާއިޝަތު ރަޝީދުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައިގައި، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން، އެ މައްސަލަ އިދާރީ ގޮތުން ތަޙުޤީޤުކޮށް މައްސަލައިގެ ތަފްޞީލު ޢާއިޝަތު ރަޝީދަށް ދީ، ޢާއިޝަތު ރަޝީދު ހާޒިރުކޮށް ޖަވާބުދާރީވުމުގެ ފުރުޞަތާއި، ވަކީލަކު ހަމަޖެއްސުމުގެ ފުރުޞަތު ދީފައިވާ ކަމާއި، ޑިސިޕްލިނަރީ ބޯޑުން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން އިސްތިއުނާފު ކުރާ ފަރާތާ ޙަވާލުކޮށްފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮންނާތީ، އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވާކަން އެނގެން އޮންނަކަން.

8ސިވިލް ކޯޓުގެ މި ޤަޟިއްޔާ ޢާއިޝަތު ރަޝީދުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމިގޮތް

9ޢާއިޝަތު ރަޝީދުގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2022/HC-A/08 ޤަޟިއްޔާ އިންނެވެ. މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމްކޮށްފައިވަނީ، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ނިންމާފައިވާ ނިންމުމަކީ ޤާނޫނާއި އެއްގޮތަށް ނިންމާފައިވާ ނިންމުމަކަށް ނުވާތީ އެ ނިންމުން ބާޠިލުކޮށް، ރަޝީދު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ޚިލާފަށްކަމަށްވާތީ، އެއީ ބާޠިލު ނިންމުމެއް ކަމަށް ކަނޑައަޅައި، ޢާއިޝަތު ރަޝީދު އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށާއި، އޭނާއަކީ ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި އޭނާ ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުން 06 (ހައެއް) މަސްދުވަހަށްވާ ފައިސާ ލިބިދިނުމަށެވެ.

10ދިވެހިރާއްޖޭގެ ހައިކޯޓުން އިސްވެ ބުނެވުނު ނަތީޖާއަށް ވާޞިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވާކަން އެނގެއެވެ.

10.1. ޢާއިޝަތު ރަޝީދުގެ ފަރާތުން 10 އޮގަސްޓު 2017 ގައި ތަޙުޤީޤަށް ދިން ބަޔާނުގައި، އޭނާ އެއްވުމެއްގައި ބައިވެރިވިކަމަށާއި އެ އެއްވުމަކީ ޤާނޫނުގައި ބަޔާންކުރާ ހުއްދަ ނުނަގާ ކުރިއަށް ގެންދިޔަ އެއްވުމެއް ކަމެއް އޭނާއަށް އެނގިފައި ނުވާކަމަށާއި އޭނާ އެއްވުމެއްގައި ބައިވެރިވިކަމަށް އިޢުތިރާފުވާކަމަށް ދަށުކޯޓުން ބަޔާންކޮށްފައިވަނީ، އޭނާ ދިން ބަޔާނުން ފެންނަން އޮތް ކަންކަމާ ދިމާ އިދިކޮޅަށްކަން އެނގޭކަން.

10.2. ޑިސިޕްލިނަރީ ބޯޑުގެ ނިންމުމަށާއި ފުލުހުންގެ ޤާނޫނާއި ގަވާއިދުތަކުގެ ނައްޞުތަކަށް ބަލާއިރު، ޢާއިޝަތު ރަޝީދުގެ މައްޗަށް ތުހުމަތުކުރެވުނު ކަމާބެހޭ ފަރާތްތަކުގެ ހުއްދަ ހޯދުމެއްނެތި ޤަވާއިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވި ބައިވެރިވުމާއި ވަޒީފާއާބެހޭ ގަވާއިދުގެ ގެ 107 ވަނަ މާއްދާގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރާ ގުޅިގެންދާ ގޮތެއް ބަޔާންކޮށްފައި ނެތްކަން.

10.3. ޢާއިޝަތު ރަޝީދުގެ މައްޗަށް ފިޔަވަޅު އަޅާފައިވަނީ ކަމާބެހޭ ފަރާތުގެ ހުއްދަ ހޯދުމަކާ ނުލައި ޤާނޫނާއި ގަވާއިދާ ޚިލާފަށް މާލޭގައި ބޭއްވި އެއްވުމެއްގައި އޭނާ ބައިވެރިވީތީ ނޫންކަމާއި އެއާ ޚިލާފަށް އޭނާ ބައިވެރިވި އެއްވުމެއްގައި ކަންކަން ވެގެން ދިޔަ ގޮތުން ކަމުގައިވާތީ، ތުހުމަތު ކުރެވިގެން ތަޙުޤީޤުކުރި ޢަމަލާއި ފިޔަވަޅު އެޅުމަށް ތުހުމަތުކުރި ޢަމަލާއި ދިމާވާކަން ބެލެން ނެތްކަން އަދި އެކަމުގެ ސަބަބުތައްވެސް ބަޔާންކޮށްފައި ނެތްކަން.

10.4. ޤާނޫނާއި ގަވާއިދާ ޚިލާފުވެގެން ކުރި ތުހުމަތެއް ތަޙުޤީޤުކޮށް ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ފިޔަވަޅު އެޅެން އޮއްވާ އެގޮތަށް ޢަމަލުނުކޮށް ތަޙުޤީޤު ނުކުރާ ތުހުމަތެއްގެ މައްޗަށް ފިޔަވަޅު އެޅުމަކީ ހުއްދަކުރެވޭނެ ކަމެއް ނޫންކަން.

10.5. ސިވިލް މުވައްޒަފުންގެ މައްޗަށް އިޞްލާހީ ފިޔަވަޅު އެޅޭނެ ދެ ގަވާއިދެއް އޮތުމުން ފިޔަވަޅު އަޅަންޖެހޭނީ ކުރިކަމަށް ތުހުމަތުކުރާ ޢަމަލު ބަޔާންކުރާ ގަވާއިދުގެ ދަށުން ކަމުގައިވާތީ، ޢާއިޝަތު ރަޝީދުގެ މައްޗަށް ޑިސިޕްލިނަރީ ބޯޑުން ތުހުމަތުކުރަނީ، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 107 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާއި 5 ވަނަ ނަންބަރުގައި ބަޔާންކުރާ ޢަމަލެއް އޭނާގެ ފަރާތުން ފެނުނުކަމަށްވާއިރު، އޭނާގެ މައްޗަށް ފިޔަވަޅު އަޅަންޖެހެނީ އެ ގަވާއިދުގެ 107 ވަނަ މާއްދާގެ (ށ) ގެ ދަށުންކަމާއި، ދެ ގަވާއިދެއްގައި ބަޔާންކުރާ އަދަބަކީ އެއް އަދަބެއް ކަމަށްވިޔަސް ވަކި ގަވާއިދެއްގެ ދަށުން ވަކި ޢަމަލެއްގެ މައްޗަށް ތުހުމަތުކޮށް އެ ގަވާއިދުގައި އެ ތުހުމަތުގެ މައްޗަށް އަދަބުދޭނެ ގޮތް ބަޔާންކޮށްފައި ވަނިކޮށް އެ ނޫން ގަވާއިދެއްގެ ދަށުން އަދަބު ދިނުމުގެ ފުރުޞަތު ހުޅުވާލާނަމަ ތަޢައްސުފީ ގޮތުން އަދަބު ދިނުމުގެ ފުރުޞަތު ފަހިވެގެންދާނެކަން.

10.6. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤް ވަޙީދު ޤަޟިއްޔާގައި ބަޔާންކުރާ ކަންކަމަށް ރިޢާޔަތްކޮށް، ޢާއިޝަތު ރަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކާ ޚިލާފަށްކަމަށްވާތީ، އެ ވަޒީފާ އަނބުރާ އިޢާދަކޮށް، އޭނާ ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުން 06 (ހައެއް) މަސް ދުވަހަށްވާ ފައިސާ ނަގައިދިނުމަށް ފެންނަ ކަން.

11އިސްވެ ބުނެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުން ދައުލަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ކުރެވުނު އިސްތިއުނާފު

12ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/08 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުޞޫލުތަކާ އެއްގޮތަށް ނޫން ކަމަށް ދެކި އެ ޤަޟިއްޔާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަމުން ދައުލަތުގެ ފަރާތުން ފާހަގަކޮށްފައިވަނީ އެންމެ ނުކުތާ އެކެވެ. މި ނުކުތާގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/08 ޤަޟިއްޔާގެ ނިންމުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތް ދިވެހި ފުލުހުންގެ ޚިދުމަތުގައި އަދާކުރަމުންދިޔަ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން އަމުރުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާގައި ޚަސްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމަށް ކަނޑައަޅުއްވާފައިވާ އުޞޫލާ ޚިލާފަށް އިސްތިއުނާފު ރައްދުވާ ފަރާތުން ސިވިލް ކޯޓަށް ދަޢުވާ ހުށަހެޅިއިރު އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފީ މައްސަލަ ހުށަހެޅިއިރުވެސް އެދިފައިނުވާ ފަރުވާއެއް ދެވޭފަދަ ބީދައަކުން ކަމުގައެވެ.

13މި އިސްތިއުނާފުގައި ދައުލަތުން އެދިފައިވަނީ ޢާއިޝަތު ރަޝީދު ވަޒީފާ ރުޖޫޢަކޮށްދިނުމަށް އެދިފައި ނުވާހިނދު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި މުވައްޒަފު ވަޒީފާއަށް ރުޖޫޢަކުރުމަށް ކަނޑައަޅާފައިވާ ބައި ބާޠިލުކުރަންޖެހޭކަމަށް ކަނޑައަޅައިދިނުމަށެވެ.

14މި އިސްތިއުނާފުގައި މައްސަލަ ރައްދުވާ ޢާއިޝަތު ރަޝީދު އެދިފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމް ދަމަހައްޓައި ދިނުމަށެވެ. އެހެންކަމުން، މި މައްސަލައިގައި އޮތް ސުވާލު ފެށެނީ މުވައްޒަފު ވަޒީފާއަށް ރުޖޫޢަކޮށް ދިނުމަށް ޢާއިޝަތު ރަޝީދު ދަށުކޯޓުގައި ވެސް އަދި ފަހުން ދިވެހިރާއްޖޭގެ ހައިކޯޓުގައި ވެސް ނޭދޭ ޙާލަތުގައި ކޯޓުގެ އަމިއްލަ އިސްނެގުމަށް ޚަޞްމަކު ނޭދޭ ފަރުވާއެއް ފޯރުކޮށްދެވިދާނެތޯ ކުރެވޭ ސުވާލުގެ މައްޗަށެވެ.

ނޭދޭ ފަރުވާއެއް ނަގައިދިނުން

15HN1ދިވެހިރާއްޖޭގެ ހައިކޯޓަށް އިސްތިއުނާފު ކުރެވޭ މައްސަލަތައް ބެލުމުގެ އަސާސަކީ ދަށު ކޯޓަށް ހުށަހެޅުނު ކަންކަމެވެ. ދަށު ކޯޓުން ގޮތެއް ކަނޑަނާޅާ ކަމެއްގެ މައްޗަށް ނުވަތަ ދަށު ކޯޓަށް ހުށަހެޅި ބަހުސްކުރެވިފައި ނުވާ ކަމެއްގެ މައްޗަށް އިސްތިއުނާފީ މަރުޙަލާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައެޅުމެއް ނުވެއެވެ. މި އުޞޫލުން ދަށު ކޯޓުގައި ޚަސްމަކު ނޭދޭ ފަރުވާއެއް ދިވެހިރާއްޖޭގެ ހައިކޯޓުން ނަގައިދިނުމެއް ވެސް ނޯވެއެވެ.

16HN2ހަމަ މިގޮތަށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ކުރި މައްޗަށް ހުށަނޭޅޭކަމެއްގެ މައްޗަށް ގޮތެއް ކަނޑައެޅުން ނުވަތަ ނޭދޭ ޙައްލެއް އެ ކޯޓުން ފޯރުކޮށްދިނުމަކީ އިންސާފު ޤާއިމުކުރުމުގެ ޠަބީޢަތާ މުޅިން ޚިލާފު ކަމެކެވެ.

17މިކަން ތަފާތު ޢިބާރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ގިނަ ޤަޟިއްޔާތަކުގައި އިޝާރާތްކޮށްފައިވެއެވެ. މީގެ ތެރޭގައި ދައުލަތުން މި އިސްތިއުނާފުގައި ޙަވާލާދީފައިވާ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޝަމްޢީލް ރަޝީދު ޤަޟިއްޔާ ހިމެނެއެވެ. މި ޤަޟިއްޔާގައި އަންނަނިވި އިބާރާތުން އެކަން ސާފުކޮށްދީ ބަޔާންކޮށްފައި ވެއެވެ. ".. ކޯޓަށް ހުށަހެޅިފައިވާ ޚުޞޫމަތަކާ ގުޅިގެން ފުރަތަމަ މަރުޙަލާގެ ކޯޓުން ފައިޞަލާކުރަންވާނީ ޚަޞްމުންގެ ފަރާތުން ހުށަހަޅާފައިވާ ވަޤާއިޢުތަކުގެ މައްޗަށް ބިނާކޮށް ފައިޞަލާކުރުމަށް އެދިފައިވާ ކަންތަކަށް ކަމާއި، ޚަސްމުންގެ ފަރާތުން ފައިޞަލާކުރަން އެދިފައިނުވާ، އަދި ކޯޓަށް ހުށަހެޅި ބަލާފައިނުވާ ވަޤާއިޢުތަކަކަށް ފައިޞަލާ ކޮށްގެން ނުވާނެކަމާ، ހަމައެއާއެކު، ފުރަތަމަ މަރުޙަލާގެ ކޯޓުގައި އެދިފައިނުވާ އާ ކަމަކަށް ޚަޞްމުންގެ ފަރާތުން ފުރަތަމަ ފަހަރަށް އިސްތިއުނާފީ ކޯޓުގައި ފައިޞަލާކޮށްދިނުމަށް އެދުމަކީ އުޞޫލެއްގެ ގޮތުގައި ތަފާތު ޖޫރިސްޑިކްޝަންތަކުގައި އިސްތިޤްރާރުވެފައިވާ "މުރާފައާތު" (Civil Procedure) ގެ ހަމަތަކާ ޚިލާފުކަމެއްކަމަށް ކަން..."

18މަތީގައި ބަޔާންކުރެވިފައިވާ ހަމަތަކަކީ، މިހާރަށް ބަލައިފިނަމަ، މަދަނީ އިޖުރާއަތުގެ ޤާނޫނު ގައި ތަފްސީލުކޮށް ބަޔާންކުރެވިފައިވާ އުޞޫލުތައްކަން ފާހަގަކުރެވެއެވެ. މީގެ އެއް މިސާލަކީ މަދަނީ މައްސަލަތަކުގައި، ޚަޞްމަކު ނޭދޭ ފަރުވާއެއް ކޯޓުތަކުން ފޯރުކޮށްދީގެން ނުވާނެކަމަށް ބަޔާންކޮށް މަދަނީ އިޖުރާއަތުގެ ޤާނޫނުގެ 39 ވަނަ މާއްދާގައި އެ އޮންނަ އޮތުމެވެ.

19ކަންމިހެން އޮތްއިރު، މި މައްސަލައިގައި ޢާއިޝަތު ރަޝީދުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި ބަޔާންކޮށްފައިވަނީ އޭނާ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީވެ މުސާރަ އާއި ޢިނާޔަތްތައް ބަދަލުގެ ގޮތުގައި ނަގައިދިނުމަށެވެ. ވަޒީފާ އަނބުރާ ރުޖޫޢަކޮށް ދިނުމަށް އެދިފައި ނުވެއެވެ. މީގެ ތެރޭގައި ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް SC 75 [2021] މައްސަލަ އާއި، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް SC 22 [2022] މައްސަލަ އާއި، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްސީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް26 SC [2022] ހިމެނެއެވެ. އިސްވެދިޔަ ނޯޓު 5 ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ދިވެހިރާއްޖޭގެ ހައިކޯޓަށް ޢާއިޝަތު ރަޝީދުގެ ފަރާތުން ކުރި އިސްތިއުނާފުގައި އެދިފައިވަނީ ދަށުކޯޓުގެ ޙުކުމް ބާޠިލުކޮށްދީ އޭނާ އެދިފައިވާ ފަދައިން ބަދަލު ނަގައިދިނުމަށެވެ.

20HN3ވަޒީފާއަށް ރުޖޫޢަކޮށްދިނުމަކީ، ޢާއިޝަތު ރަޝީދުގެ ފަރާތުން އެއްވެސް މަރުޙަލާއެއްގައި އެދިފައިވާ ފަރުވާއެއް ނޫނެވެ. މިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އާއިޝަތު ރަޝީދުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުންނާއި، ސިވިލް ކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން ސާފުވެއެވެ.

21ކަންމިހެން އޮތްއިރު، ނޭދޭކަމަކަށް ފައިސަލާކުރުމާއި، ނޭދޭ ފަރުވާއެއް ފޯރުކޮށްދިނުމަކީ، ރާއްޖޭގައި ޢަމަލުކުރާ އިޖުރާއަތުތަކާ ޚިލާފުވުމުގެ އިތުރުން، އިންސާފު ޤާއިމުކުރުމުގެ އުޞޫލުތަކުގެ ޠަބީޢަތާ ޚިލާފުކަމެއްކަމުގައި އެނގެން އޮންނާތީވެ މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޢާއިޝަތު ރަޝީދު ވަޒީފާއަށް ރުޖޫޢަކޮށްދިނުމަށް ނިންމާފައިވަނީ އިސްތިޤްރާރުވެފައިވާ ހަމަތަކާ ޚިލާފަށެވެ.

ބަދަލު

22HN4ވަޒީފާއާބެހޭ މައްސަލަތަކުގައި ބަދަލަކީ މަޙުދޫދު ކުރެވިފައިވާ އެއްޗެއް ނޫނެވެ. ނަމަވެސް ޙުދޫދެއް ނެތި މުޅި މުއްދަތަށް މުސާރަ އާއި ޢިނާޔަތްތައް ނަގައިދިނުމަކީ ލާޒިމްކުރެވިދާނެ ކަމެއް ނޫނެވެ. ނަގައިދެވޭ ކޮންމެ ބަދަލެއްގެ ކުރިޔަށް އެ މައްސަލައެއްގައި ކަންހިނގާފައިވާ ގޮތް ބަލައި ވަޒަންކުރުން ވަރަށް މުހިއްމު ކަމަށް ދެކެމެވެ.

23އެ ގޮތުން މި މައްސަލައަށް ބަލާނަމަ، ޢާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ނިމޭ ތާރީޚާ ހަމައަށް އެ ފަރާތަށް ޙައްޤުވާ މުސާރަ އާއި ޢިނާޔަތްތައް ނަގައިދިނުމަށް ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާގައި ބަޔާންކޮށްފައިވެއެވެ. އަދި ބަދަލުގެ ގޮތުގައި އެހިނދަށް ހިސާބު ޖަހާފައިވަނީ ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން މައްސަލަ ކޯޓަށް ހުށަހެޅި ތާރީޚާ ހަމައަށެވެ. މިގޮތުން ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 441,111/14ރ. (ހަތަރުލައްކަ ސާޅީސްއެއްހާސް އެއްސަތޭކަ އެގާރަރުފިޔާ ސާދަލާރި) ނަގައިދިނުމަށް އެދި ޢާއިޝަތު ރަޝީދު ސިވިލް ކޯޓުގެ ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވެއެވެ.

24އޭގެ ފަހުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އެދިފައިވަނީ ޤާނޫނާ ޚިލާފަށް ޢާއިޝަތު ރަޝީދު ވަޒީފާއިން ވަކިކުރުމުގެ ސަބަބުން އެ ފަރާތަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސިވިލް ކޯޓުގައި ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވާ ބަދަލު އެ ފަރާތަށް ލިބިދިނުމަށެވެ. ސިވިލް ކޯޓަށް ހުށަހެޅި ދަޢުވާ ފޯމުގައި ބަޔާންކޮށްފައިވަނީ އެ ކޯޓުން މައްސަލަ ނިމޭ ތާރީޚާ ހަމައަށް ގެއްލުމުގެ ބަދަލު ނަގައިދިނުމަށެވެ.

25HN5ދިވެހިރާއްޖޭގެ ހައިކޯޓުން ބަދަލުގެ މިންވަރު ކަނޑައަޅާފައިވަނީ ވަޒީފާ ރުޖޫޢަކުރާ ޙާލަތުގައި ބަދަލު ކަނޑައެޅުމުގައި ބަލާ އަސާސީ ހަމައަށް ރިޢާޔަތްކޮށް 06 (ހައެއް) މަސް ދުވަހުގެ މުސާރަ އާއި ޢިނާޔަތެވެ. މިހާރު އޮތް ސުވާލަކީ ވަޒީފާ ރުޖޫޢަ ނުކުރާ ޙާލަތުގައި ޢާއިޝަތު ރަޝީދަށް ޙައްޤުވާ ބަދަލު ކަނޑައެޅުމެވެ.

26ވަޒީފާ ރުޖޫޢަ ނުކުރާ ޙާލަތުގައި މުވައްޒަފަށް ލިބިފައިވާ ގެއްލުމުގެ ބަދަލުގެ ގޮތުގައި އެހެން ގޮތަކަށް ސާބިތުނުވާ ޙާލަތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރަ އާއި ޢިނާޔަތްތައް ނަގައިދިނުމަކީ މި ބާވަތުގެ މައްސަލަތަކުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ދަމަހައްޓަމުން ދާ ހަމައެކެވެ.

27ކަންމިހެން އޮތްއިރު، ޢާއިޝަތު ރަޝީދު ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއިން އުޞޫލުތަކާ ޚިލާފަށް ވަކިކޮށްފައިވާތީވެ 01 (އެކެއް) އަހަރު ދުވަހުގެ މުސާރަ އާއި ޢިނާޔަތް އޭނާއަށް ޙައްޤުވާ ޢަދުލުވެރި ބަދަލުކަމުގައި ދެކެމެވެ.

މައްސަލަ ނިންމަން ފެންނަގޮތް

28އިސްވެ ބުނެވުނު ސަބަބުތައް ފާހަގަވާތީވެ، މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/08 ޤަޟިއްޔާގައި ޢާއިޝަތު ރަޝީދުގެ ވަޒީފާ ރުޖޫޢަކޮށްދިނުމަށް ނިންމާފައިވާ ބައި ބާޠިލުކޮށް، ދެން އެ ޤަޟިއްޔާގައިވާ އެހެނިހެން ބައިތަކަށް ތާއީދުކޮށް މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

29އަދި ޢާއިޝަތު ރަޝީދަށް ބަދަލުގެ ގޮތުގައި އޭނާއަށް ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުގެ ނިސްބަތުން 01 (އެކެއް) އަހަރު ދުވަހުގެ މުސާރަ އާއި ޢިނާޔަތްތައް ޙައްޤުވާކަމަށް ކަނޑައަޅައި މި މައްސަލަ ނިންމަން އަހުރެންނަށް ފެނެއެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު

30މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔު

31މި މައްސަލައިގައި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެ ގޮތުގެމަތިން ހުރުމާއެކު،

(ހ) މި މައްސަލައިގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-A/08 ޤަޟިއްޔާގައި ޢާއިޝަތު ރަޝީދު (ސ. ފޭދޫ، […] ) ގެ ވަޒީފާ ރުޖޫޢަކޮށްދިނުމަށް ނިންމާފައިވާ ބައި ބާޠިލުކޮށް ދެން އެ ޤަޟިއްޔާގައިވާ އެހެނިހެން ބައިތަކަށް ތާއީދުކޮށް،

(ރ) އަދި ޢާއިޝަތު ރަޝީދަށް ބަދަލުގެ ގޮތުގައި އޭނާއަށް ލިބެމުންދިޔަ މުސާރަ އާއި ޢިނާޔަތްތަކުގެ ނިސްބަތުން 01 (އެކެއް) އަހަރު ދުވަހުގެ މުސާރަ އާއި ޢިނާޔަތްތައް ޙައްޤުވާކަމަށް ކަނޑައަޅައި އެ ފައިސާ ޢާއިޝަތު ރަޝީދަށް ލިބިދިނުމުގެ ގޮތުން މިއަދު (6 ނޮވެންބަރު 2025) ން ފެށިގެން 14 (ސާދަ) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް އަންގައި މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ: (ރިޔާސަތު)

ފުޓްނޯޓު

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭމުމިފަދަ އެއްވުންތަކުގައި ޤާނޫނު ނަންބަރު 01/2013 (ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ ޤާނޫނު) އަށް 01 ވަނަ އިސްލާޙުގެ ދަށުން ނަގަންޖެހޭ ހުއްދަ
  2. ގަވާއިދު ނަންބަރު 02( MPS-4/2009-1 ޖަނަވަރީ 2009)
  3. ގަވާއިދު ނަންބަރު MPS-4/2009-1 (02 ޖަނަވަރީ 2009)
  4. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 ޤަޟިއްޔާ
  5. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2013/SC-A/44 ޤަޟިއްޔާ
  6. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 32 ވަނަ މާއްދާގެ (ހ)
  7. މީގެ ތެރޭގައި ކަޕޫރުﷲ ޔޫސުފް ވ. މޯލްޑިވްސް ކަސްޓަމްސް ސަރވިސް [2021] SC 75 މައްސަލަ އާއި، މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް [2022] SC 22 މައްސަލަ އާއި، އަޙްމަދު މުޙައްމަދު އާއި މުޙައްމަދު ޖަމްޝީދު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް[2022] SC 26 ހިމެނެއެވެ.
  8. އިސްވެދިޔަ ނޯޓު 5
  9. ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު)
  10. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/27 (ޢަލީ ވަހީދު ވ. ދައުލަތް (މިނިސްޓްރީ އޮފް ޑިފެންސް))
  11. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/36 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. އަސްފާޤު ވަހީދު)
  12. ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 8 ވަނަ ޕެރެގްރާފް
  13. ސިވިލް ކޯޓުން މައްސަލަ ނިމިފައިވަނީ 08 ޑިސެންބަރު 2021 ގައެވެ.
  14. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/27 (ދިވެހި ދައުލަތް (ސިވިލް ސަރވިސް ކޮމިޝަން) ވ. ޢަލީ ނަޞީރު އާދަމް ޤަޟިއްޔާ، މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. (ނަން އުނިކުރެވިފައި) [2021] SC 87
  15. ދިވެހި ރައްޔިތެއްކަން އަންގައިދޭ
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ