ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/27ސުޕްރީމް ކޯޓު · 24 ސެޕްޓެމްބަރު 2020

—

ސުޕްރީމް ކޯޓު
2 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 24 ސެޕްޓެމްބަރު 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2017/SC-A/27

އިސްތިއުނާފު ކުރާ ފަރާތް:

ދިވެހި ދައުލަތް (ސިވިލް ސަރވިސް ކޮމިޝަން)

އިސްތިއުނާފު ރައްދުވާ ފަރާތް:

ޢަލީ ނަޞީރު އާދަމް

މައްސަލައިގެ ބާވަތް:

ވަޒީފާއާބެހޭ

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

27 ފެބްރުއަރީ 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:

12 އޮކްޓޯބަރ 2017ނިމުނު ތާރީޚު:

24 ސެޕްޓެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2014/HC-A/281

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

08 އޮކްޓޯބަރ 2014ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

01 ޑިސެމްބަރ 2016

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ އެ ކޯޓުގެ ނަންބަރު 2014/HC-A/281 ގަޒިއްޔާގެ ހުކުމާމެދު ހިތްހަމަ ނުޖެހިގެން ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ސުޕްރީމް ކޯޓުން ބެލި ގަޒިއްޔާއެވެ. މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ހއ. ހޯރަފުށި، ހުސްނުހީނާގޭ ޢަލީ ނަޞީރު އާދަމް އެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

މި ގަޒިއްޔާގައި ގޮތެއް ނިންމަންޖެހޭ ކަންކަން ހިނގިއިރު، ތިލަދުންމަތީ އުތުރުބުރި (މީގެ ފަހުން ހއ) ހޯރަފުށީ އޮފީހުގެ ބޮޑުކަތީބު ކަމުގެ ވަޒީފާ އަކީ ދިވެހި ސިވިލް ސަރވިސްގައި ހިމެނޭ ވަޒީފާއެކެވެ.

ހއ. ހޯރަފުށި، ހުސްނުހީނާގޭ ޢަލީ ނަޞީރު އާދަމް، ހއ. ހޯރަފުށީ އޮފީހުގެ ބޮޑުކަތީބު ކަމުގެ ވަޒީފާ އަދާކުރަމުން ގެންދަނިކޮށް، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން އަލަށް އުފެދުނު މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރު ކަމުގެ މަޤާމަށް 11 މެއި 2010 ގައި ޢަލީ ނަޞީރު އާދަމް އައްޔަނުކުރެވުނެވެ.

20 މެއި 2010 ގައި ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް އަށް ފޮނުވި ނަންބަރު (32)CSC/2012/104 ޗިޓުން، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ޢަލީ ނަޞީރު އާދަމް މުސްކުޅިކޮށް ޢަލީ ނަޞީރު އާދަމް އެ ވަޒީފާއިން ވަކިކުރިއެވެ.

ޢަލީ ނަޞީރު އާދަމް މުސްކުޅިކޮށް ވަޒީފާއިން ވަކިކުރިކަން އެންގި ޗިޓުގައި ލިޔެފައިވަނީ ޢަލީ ނަޞީރު އާދަމް ވަޒީފާ އިން ވަކިކުރީ ޢަލީ ނަޞީރު އާދަމް އެ ވަޒީފާއިން ވަކިވުމަށް އެދިގެން ކަމަށެވެ.

ޢަލީ ނަޞީރު އާދަމް އަދާކުރަމުން ގެންދިޔަ ސިވިލް ސަރވިސްގެ ވަޒީފާ ކަމުގައިވާ ހއ. ހޯރަފުށީ އޮފީހުގެ ބޮޑުކަތީބު ކަމުގެ ވަޒީފާ އިން ވަކިވުމަށް ޢަލީ ނަޞީރު އާދަމްގެ ފަރާތުން ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީއެއް ފޮނުވާފައި ނުވެއެވެ. އަދި އެނޫން ގޮތަކަށް ވެސް އެކަމަށް އެދިފައި އޮތްކަން އެނގެން ނެތެވެ.

ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގައި އަދާކުރަމުން ގެންދިޔަ ވަޒީފާ އިން ވަކިވުމާ ނުވަތަ ވަކިކުރުމާ ބެހޭގޮތުން އެ ދެފަރާތުގެ ދެމެދުގައި ހިނގާފައިވާ ހަމައެކަނި މުއާމަލާތަކީ،20 މެއި 2010 ގައި ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކުރިކަން އަންގައި ޢަލީ ނަޞީރު އާދަމް އަށް ފޮނުވި އިސްވެ ބުނެވުނު ޗިޓެވެ.

ސިވިލް ކޯޓުގެ ނަންބަރު 703/Cv-C/2013 ގަޒިއްޔާ

ހއ. ހޯރަފުށީ ހުސްނުހީނާގޭ ޢަލީ ނަޞީރު އާދަމް އަދާ ކުރަމުންގެންދިޔަ ހއ. ހޯރަފުށީ އޮފީހުގެ ބޮޑުކަތީބު ކަމުގެ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ސިވިލް ކޯޓުގައި އޭނާ ދައުވާކުރިއެވެ. ދައުވާ ލިބުނު ފަރާތަކީ ސިވިލް ސަރވިސް ކޮމިޝަނެވެ.

ޢަލީ ނަޞީރު އާދަމް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ ސިވިލް ސަރވިސް ކޮމިޝަނުން އޭނާ:

(ހ) މުސްކުޅިކޮށް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާ ބެހޭ ގާނޫނުގެ 22 ވަނަ މާއްދާގައި ބުނާ ނޯޓިސް ނުދީ ކަމަށާއި؛ އަދި

(ށ) ގާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ގާނޫނު) ގެ 49 އަދި 50 ވަނަ މާއްދާގެ ދަށުން ވަޒީފާއިން މުސްކުޅި ކުރާ މުވައްޒަފުންނަށް އެއްފަހަރާ ލިބިދޭން ޖެހޭ އިނާޔަތް ނުދީ ކަމަށެވެ.

ސިވިލް ކޯޓުގައި ޢަލީ ނަޞީރު އާދަމް އެދިފައިވަނީ:

(ހ) ނޯޓިސް ނުދީ ވަކިކުރާ ހާލަތުގައި ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ނޯޓިސްގެ ބަދަލުގައި ދޭންޖެހޭ ފައިސާއާއި އެންމެހައި އިނާޔަތްތައް ހޯދުމަށާއި؛ އަދި،

(ށ) ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 49 އަދި 50 ވަނަ މާއްދާގެ ދަށުން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންގެ ތެރެއިން އަމިއްލަ ރުހުމުގައި ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އެއްފަހަރާ ދެވޭ އިނާޔަތް ހޯދުމަށެވެ.

ސިވިލް ކޯޓުގެ ނަންބަރު 703/Cv-C/2013 ގަޒިއްޔާ ގައި ހުކުމް ކޮށްފައިވަނީ ޢަލީ ނަޞީރު އާދަމް ގެ ދައުވާ ސާބިތުނުވާ ކަމަށެވެ. ޢަލީ ނަޞީރު އާދަމްގެ ދައުވާ ސާބިތުނުވީ އަންނަނިވި ސަބަބުތަކަށްޓަކައި ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

(ހ) ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގައި ވަޒީފާއެއް އަދާކުރަމުން ދަނިކޮށް ގާނޫނުއަސާސީ ގެ 115 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާގެ ވަޒީފާގެ ވާޖިބުތައް އަދާކުރުމަށްޓަކައި ބޭނުންވާ މަގާމަކަށް ޢަލީ ނަޞީރު އާދަމް އައްޔަންކުރެވި، ޢަލީ ނަޞީރު އާދަމް އެ މަގާމު ގަބޫލުކޮށް، ޢަލީ ނަޞީރު އާދަމް އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފެށިކަން ދެފަރާތުގެ ބަހުން އެނގެން އޮތުމާއި، ވަޒީފާއިން ވަކިކުރުމުގެ ނޯޓިސް ނުވަތަ ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އަންގާ ލިޔުމުގެ މަގްސަދަކީ ކުއްލިއަކަށް ވަޒީފާއިން ވަކިކޮށްފިނަމަ އެމީހަކަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިކުރުމުގެ މަގްސަދުގައި ދޭން ލާޒިމުވާ އެއްޗެއް ކަމާއި، ސިވިލް ސަރވިސްގެ މުވައްޒަފަކު އޭނާގެ ރުހުމުގައި އެހެން ވަޒީފާއަކަށް ދާ ދިޔުމަކީ ވަޒީފާއިން ވަކިކުރެވޭނެ ކަމުގެ ނޯޓިސް އޭނާއަށް ދިނުން ލާޒިމުކުރާ ހާލަތެއް ކަމަށް ނުވުން.

(ށ) ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވުމަށް ހުށަހަޅާފައި ނުވުމަކީ އޭނާގެ ރުހުމެއް ނެތި ސިވިލް ސަރވިސްއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ސިވިލް ސަރވިސް އަށް ފެނިގެން އޭނާ ވަޒީފާއިން ވަކިކޮށްފައިވާ ވަކިކުރުމެއް ކަމަށް ބަލާނެ ޖާގައެއް ނެތުމާއި، މި ގޮތުން ސިވިލް ސަރވިސްގެ ވަޒީފާއިން ޢަލީ ނަޞީރު އާދަމް މުސްކުޅިކޮށް ވަކިކޮށްފައިވަނީ ޢަލީ ނަޞީރު އާދަމްގެ ރުހުމުގައިކަން ދެ ފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔުންތަކުން ސާބިތުވާން އޮތުން.

(ނ) ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 49 އަދި 50 ވަނަ މާއްދާގެ ދަށުން މަހުން މަހަށް ދެވޭ އިނާޔަތް ޢަލީ ނަޞީރު އާދަމް އަށް ލިބެމުންދާކަން އެނގެން އޮތުމާއި މި ބުނެވުނު ދެ މާއްދާގެ ދަށުން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންގެ ތެރެއިން އަމިއްލަ ރުހުމުގައި ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އެއްފަހަރާ ދެވޭ އިނާޔަތް ލިބިނުދެވޭ ކަން ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ 122 ވަނަ މާއްދާއާއި އެ ގަވާއިދުގެ ޖަދުވަލު 15 އިން އެނގެން އޮތުމުން، ނޯޓިސް ނުދީ ވަކިކުރާ ހާލަތުގައި ވަޒީފާއާބެހޭ ގާނޫނުގައިވާ ގޮތުގެމަތިން ނޯޓިސްގެ ބަދަލުގައި ދޭންޖެހޭ ފައިސާ އާއި ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގެ 49 އަދި 50 ވަނަ މާއްދާގެ ދަށުން ވަޒީފާއިން މުސްކުޅިކުރާ މުވައްޒަފުންނަށް އެއްފަހަރާ ދޭ އިނާޔަތް ޢަލީ ނަޞީރު އާދަމް އަށް ދިނުމަށް ޝަރީއަތުން އަމުރުކުރާނެ ތަނެއް ނެތްކަން.

ހައިކޯޓުގެ ނަންބަރު 2014/HC-A/28ގަޒިއްޔާ

ސިވިލް ކޯޓުގެ ނަންބަރު 703/Cv-C/2013 ގަޒިއްޔާ ގައި ހުކުމް ކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ޢަލީ ނަޞީރު އާދަމްގެ ފަރާތުން ހައިކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރުމުން، ހައިކޯޓުން ސިވިލް ކޯޓުގެ ނަންބަރު 703/Cv-C/2013 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، ޢަލީ ނަޞީރު އާދަމް އަށް މަހުން މަހަށް ދޭންޖެހޭ އިނާޔަތުގެ އިތުރަށް ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ޖަދުވަލު 15 ގެ ދެވަނަ ނަންބަރުގެ 2.1 ބަޔާންކޮށްފައިވާ އެއްފަހަރާދެވޭ އިނާޔަތް، ޢަލީ ނަޞީރު އާދަމް އަށް ހައްގުވާކަމަށް ކަނޑައަޅައި އެ ފައިސާ އޭނާއަށް ދިނުމަށް އަމުރުކޮށްފައިވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 703/Cv-C/2013 ގަޒިއްޔާގައި ހުކުމް ކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށް ހައިކޯޓަށް ފެނުނު ސަބަބުތައް ތިރީގައި މިވަނީއެވެ.

(ހ) ޢަލީ ނަޞީރު އާދަމް އަކީ އުމުރުން 55 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ މީހެއް ކަމަށްވާތީ ސަރުކާރަށް ފެނިގެން ސިޔާސީ މަގާމަކަށް އޭނާ އައްޔަނުކޮށްފައިވާތީ ސިވިލް ސަރވިސްގެ ގާނޫނުގެ ދަށުން ލިބެންޖެހޭ އިނާޔަތްތައް އޭނާއަށް ލިބޭނެ ގޮތް ހަމަޖައްސައި ދިނުމަށް އެދި 19 މޭ 2010 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޢަލީ ނަޞީރު އާދަމް ސިޓީ ފޮނުވާފައިވާކަން އެނގެން އޮންނަ ކަމަށާއި، އަދި 20 މޭ 2010 ގައި ސިވިލް ސަރވިސް ކޮމިޝަނުގެ ނަންބަރު (32)CSC/2012/104 ޗިޓުން ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކުރަން އެންގުމާ ގުޅިގެން، ސަރުކާރަށް ފެނިގެން ސިވިލް ސަރވިސްގެ ވަޒީފައިން ޢަލީ ނަޞީރު އާދަމް ވަކިކުރި ކުރުމަކީ ސިވިލް ސަރވިސްގެ ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ވަކިކުރި ކުރުމެއް ކަމަށާއި، އެހެންކަމުން އެ ގާނޫނުގެ ދަށުން އޭނާއަށް ލިބެންޖެހޭ އިނާޔަތްތައް ހޯދައިދިނުމަށް އެދި 8 ޖޫން 2010 ގައި ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސް ކޮމިޝަނަށް ސިޓީއެއް ފޮނުވި ކަމަށާއި، މި ކަންކަމުގެ މައްޗަށް ބެލުމުން ޢަލީ ނަޞީރު އާދަމް އަދާކުރަމުން ގެންދިޔަ ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ އެ މަގާމުން އޭނާ ވަކިކޮށްދިނުމަށް އެދި އޭނާ އެދިފައިވާ އެދުމެއްގެ މަތިން ނޫންކަމާއި އެހެންކަމުން އުމުރުން 55 އަހަރުވުމުން ސިވިލް ސަރވިސް ކޮމިޝަނަށް ގާނޫނުން ލިބިދޭ އިޚްތިޔާރުގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް ދިނުމަށް ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގައި ކަނޑައަޅާފައިވާ އިނާޔަތްތައް ޢަލީ ނަޞީރު އާދަމް އަށް ހައްގުވާ ކަމަށެވެ.

(ށ) އުމުރުން 55 އަހަރުވުމުން ސިވިލް ސަރވިސް ކޮމިޝަނަށް ގާނޫނުން ލިބިދޭ އިޚްތިޔާރުގެ ދަށުން ވަކިކުރެވޭ މުވައްޒަފުންނަށް ދިނުމަށް ދިވެހި ސިވިލް ސަރވިސްގެ ގާނޫނުގައި ކަނޑައަޅާފައިވާ އިނާޔަތްތައް ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ޖަދުވަލު 15 ގައި ބަޔާންކޮށްފައިވާ ކަމަށާއި އެގޮތުން އެ ފަރާތްތަކަށް 2 އިނާޔަތެއް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި، އެއީ އެއްފަހަރާ ދެވޭ އިނާޔަތާއި، މަހުންމަހަށް މުޅި އުމުރަށް ދެވޭ އިނާޔަތްކަމަށާއި، އިސްތިއުނާފު ކުރެވިފައި މިވާ މައްސަލައިގައި ޢަލީ ނަޞީރު އާދަމް އަދާކުރަމުން ގެންދިޔަ ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިކުރުމަށްފަހު، މަހުންމަހަށް ދޭންޖެހޭ އިނާޔަތް ޢަލީ ނަޞީރު އާދަމް އަށް ލިބެމުންދާކަން އެނގެން އޮންނާތީ ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އެ ހާލަތުގައި އޭނާއަށް ހައްގުވާ ދިވެހި ސިވިލް ސަރވިސް ގަވާއިދުގެ ޖަދުވަލު 15 ގައި ބަޔާންކުރާ އެއްފަހަރާ ދެވޭ އިނާޔަތް ޢަލީ ނަޞީރު އާދަމްއަށް ނުދީވާކަން އެނގެން އޮތުމުން އެ އިނާޔަތް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން ޢަލީ ނަޞީރު އާދަމަށް ދޭންޖެހޭ ކަމަށް ފެންނަ ކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވުނު ނުކުތާ

ހައިކޯޓުގެ ނަންބަރު 2014/HC-A/281 ގަޒިއްޔާގައި ހުކުމްކޮށްފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ސިވިލް ސަރވިސްގެ ފަރާތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވާ މައިގަނޑު ނުކުތާއަކީ 19 މެއި 2010 ގައި ޢަލީ ނަޞީރު އާދަމްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާފައިވާ ސިޓީއާއި 8 ޖޫން 2010 ގައި ސިވިލް ސަރވިސް ކޮމިޝަނަށް ފޮނުވާފައިވާ ސިޓީގައި، ސަރުކާރަށް ފެނިގެން ސިވިލް ސަރވިސްގެ ވަޒީފާއިން އެ ފަރާތް ވަކިކުރި ވަކިކުރުމަކީ ސިވިލް ސަރވިސް ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ވަކިކުރި ކުރުމެއް ކަމަށާއި އެހެންކަމުން އެ ގާނޫނުގެ ދަށުން އޭނާއަށް ލިބެންޖެހޭ އިނާޔަތްތައް ހޯދުމަށް އެދޭ ކަމުގައި ބަޔާންކޮށްފައިވާތީ، ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކޮށްފައިވަނީ އެ ފަރާތުން އެދިގެން ނޫންކަމަށް ކަނޑައަޅުއްވައި، އެކަމުގެ މައްޗަށް އެކަނި ބުރަވެ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/281 ގަޒިއްޔާގައި ހުކުމްކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ނުކުތާ އެވެ.

މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމާ ގުޅިގެން ދެވޭ އިނާޔަތްތައް

މި މައްސަލައިގައި، ދެ ފަރާތުގެ ދެމެދުގައި ޚިލާފު އުފެދިފައިވަނީ ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތަށް ތޯ އާއި ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 50 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ، އުމުރުން 55 އަހަރުވުމުން މުސްކުޅިކުރެވޭ ސިވިލް ސަރވިސްގެ މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރުމާ ގުޅިގެން އެ ގާނޫނުގެ ދަށުން ދެވޭ އިނާޔަތްތައް ލިބިދިނުމުގައި ބަލާނެ އުސޫލާ ބެހޭގޮތުންނެވެ.

ދިވެހި ސިވިލް ސަރވިސް ގާނޫނުގެ 50 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ، އެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން އުމުރުން 55 އަހަރުވުމުން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށާއި، އެ ގާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގެ ދަށުން އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށް ޤާނޫނުގައިވާ ގޮތުގެމަތިން މުސްކުޅިކުރުމުގެ އިނާޔަތް ލިބިދޭންވާނެކަމަށެވެ. މި ދެ ގޮތަށް މުވައްޒަފުން ވަޒީފާއިން މުސްކުޅިކުރެވުނު ނަމަވެސް، 55 އަހަރުވެގެން އަމިއްލައަށް އެދިގެން ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވާ މުވައްޒަފުންނަށާއި، އުމުރުން 55 އަހަރުވުމުން ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ސިވިލް ސަރވިސް ގަވާއިދު 2010 ގައި ބަޔާންކޮށްފައިވަނީ ތަފާތު ދެ ގޮތަކަށެވެ. އެ ދެ ގޮތުގެ ތަފާތު ތިރީގައި މި ބަޔާންކުރަނީއެވެ.

އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާ މުވައްޒަފުންނަށާއި، ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން މުސްކުޅިކުރެވޭ މުވައްޒަފުންނަށް މުސްކުޅިކުރުމުގެ އިނާޔަތް ލިބިދެވޭނެ ގޮތް ސިވިލް ސަރވިސް ގަވާއިދު 2010 ގެ ޗެޕްޓަރ 10 ގައި ބަޔާންކޮށްފައިވެއެވެ. މިގޮތުން:

(ހ) ޗެޕްޓަރ 10 ގެ 122 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ، އުމުރުން 55 އަހަރުވުމުން، މުވައްޒަފު އަމިއްލައަށް އެދިގެން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅި ކުރުމުގެ އިނާޔަތް އެ ގަވާއިދުގެ ޖަދުވަލު 15 ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

(ށ) ޗެޕްޓަރ 10 ގެ 123 ވަނަ މާއްދާގެ (ބ) ގައި ބުނެފައިވަނީ، އުމުރުން 55 އަހަރުވުމުން، ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކޮށް ވަކިކުރެވޭ މުވައްޒަފުންނަށް ދެވޭ މުސްކުޅި ކުރުމުގެ އިނާޔަތް އެ ގަވާއިދުގެ ޖަދުވަލު 15 ގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ސިވިލް ސަރވިސް ގަވާއިދު 2010 ގެ ޖަދުވަލު 15 އަށް ބަލާއިރު، އެ ޖަދުވަލުގެ 1 ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން، އުމުރުން 55 އަހަރުވުމުން އަމިއްލައަށް އެދިގެން ސިވިލް ސަރވިސްގެ ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވަނީ މަހުން މަހަށް ދެވޭ އިނާޔަތް އެކަންޏެވެ. އެއާ ޚިލާފަށް، އެ ޖަދުވަލުގެ 2 ވަނަ ނަންބަރުގައި ބުނެފައިވަނީ، އުމުރުން 55 އަހަރުވުމުން މުވައްޒަފު މަސައްކަތްކުރާ އޮފީހުން އެދިގެން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ވަޒީފާއިން މުސްކުޅިކުރެވޭ ފަރާތްތަކަން 2 އިނާޔަތެއް ދިނުމަށް ހަމަޖެހިފައިވާކަމަށާއި، އެއީ އެއްފަހަރާ ދެވޭ އިނާޔަތަކާއި މަހުން މަހަށް މުޅި އުމުރަށް ދެވޭ އިނާޔަތެއްކަމަށެވެ.

އެހެންކަމުން މި ހުށަހެޅިފައިވާ ގަޒިއްޔާގައި އުފެދިފައިވާ، އަދި އެއަށް ޖަވާބު ބޭނުންވާ އެއް ސުވާލަކީ މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެފައިވަނީ ސިވިލް ސަރވިސްގެ ގާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގެ ދަށުން 55 އަހަރުވުމުން ވަޒީފާއިން ވަކިވުމަށް އޭނާ އަމިއްލައަށް އެދިގެންތޯ، ނުވަތަ ސިވިލް ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާގެ އުމުރުން 55 އަހަރުވުމުން އޭނާ މަސައްކަތްކުރާ އޮފީހުން އެދިގެން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުންތޯއެވެ. މި ސުވާލުގެ ސާދާ ޖަވާބަކީ ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިވެފައިވަނީ އިސްވެ ބުނެވިދިޔަ ދެ ގޮތުންކުރެ ގޮތަކަށް ނޫންކަމަށް ބުނުމެވެ. މިގޮތަށް މި ސުވާލުގެ ޖަވާބު ދިނުމުން އުފެދޭ ސުވާލަކީ އެހެންވެއްޖިއްޔާ ޢަލީ ނަޞީރު އާދަމް އަށް 55 އަހަރު ވެފައި ވަނިކޮށް އަދި ޚިދުމަތުގައި 31 އަހަރު ހޭދަވެފައިވަނިކޮށް، ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެފައިވަނީ އިސްވެ ބުނެވުނު ދެ ގޮތުންކުރެ ގޮތަކަށް ކަމުގައި ނުވާތީ، އޭނާއަށް ސިވިލް ސަރވިސް ކޮމިޝަނުގެ ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން އިނާޔަތް ދެވިދާނެތޯއެވެ. އެއާ ވިދިގެން ދެން އުފެދޭ ސުވާލަކީ ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެފައިވަނީ އިސްވެ މި ބަޔާންކުރެވުނު ދެ ގޮތުންކުރެ ގޮތަކަށް ކަމަށް ނުވާނަމަ، ދެން އޭނާ އެ ވަޒީފާއިން ވަކިވީ ކޮން ގޮތަކަށްތޯއެވެ. މި ދެ ސުވާލަށް ޖަވާބު ދިނުމުގެ ކުރިން، ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިވެގެންދިޔަ ގޮތުގެ މައްޗަށް ބަލައިލާނަމެވެ.

(ހ) ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގެ ވަޒީފާ އަދާކުރަމުން ދަނިކޮށް، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރު ކަމުގެ މަގާމަށް 11 މެއި 2010 ގައި ޢަލީ ނަޞީރު އާދަމް އައްޔަނުކުރެވުނެވެ.

(ށ) މަތިއުތުރު ޕްރޮވިންސް އޮފީހުގެ ކައުންސިލަރު ކަމުގެ މަގާމަށް 11 މެއި 2010 ގައި ޢަލީ ނަޞީރު އާދަމް އައްޔަނު ކުރެއްވުމާ ގުޅިގެން، ޢަލީ ނަޞީރު އާދަމް އަކީ އުމުރުން 55 އަހަރަށްވުރެ މައްޗަށް ގޮސްފައިވާ ފަރާތެއް ކަމަށް ވާތީ، ސަރުކާރަށް ފެނިގެން ސިޔާސީ މަގާމަކަށް އޭނާ އައްޔަނުކޮށްފައިވާތީ ސިވިލް ސަރވިސް ގާނޫނުގެ ދަށުން ލިބެންޖެހޭ އިނާޔަތްތައް އޭނާއަށް ލިބޭނެގޮތް ހަމަޖައްސައި ދިނުން އެދި 19 މެއި 2010 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ޢަލީ ނަޞީރު އާދަމް ސިޓީއެއް ފޮނުވިއެވެ.

(ނ) 20 މެއި 2010 ގައި ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް އަށް ފޮނުވި ނަންބަރު (32)CSC/2012/104 ޗިޓުން، ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން ޢަލީ ނަޞީރު އާދަމް މުސްކުޅިކޮށް ޢަލީ ނަޞީރު އާދަމް އެ ވަޒީފާއިން ވަކިކުރިއެވެ. ނަމަވެސް ޢަލީ ނަޞީރު އާދަމް މުސްކުޅިކޮށް ވަޒީފާއިން ވަކިކުރިކަން ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް އަށް އެންގި ޗިޓުގައި ލިޔެފައިވަނީ ޢަލީ ނަޞީރު އާދަމް ވަޒީފާ އިން ވަކިކުރީ ޢަލީ ނަޞީރު އާދަމް އެ ވަޒީފާއިން "ވަކިވުމަށް އެދިގެން" ކަމަށެވެ.

އިސްތިއުނާފު ރައްދުވާ ފަރާތާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެފައިވާ ސިވިލް ސަރވިސްގެ ވަޒީފާގެ އެއްބަސްވުމުގެ 50 ވަނަ މާއްދާގައި "އަންނަނިވި ޙާލަތްތަކުގައި އެއްވެސް ނޯޓިހެއް ނުވަތަ އެއާ ގުޅޭ ފައިސާއެއް ދިނުމަކާ ނުލައި ވަޒީފާ އަދާކުރާ މީހާ ވަގުތުން އެޅޭ ފިޔަވަޅެއްގެ ގޮތުގައި ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވެއެވެ." މިހެން ބަޔާންކޮށް، އެ މާއްދާގެ (ރ) ގައި، "ސިވިލް ސަރވިސްގެ ގާނޫނުގެ 3 ވަނަ މާއްދާގެ ދަށުން ހިމެނޭ މަގާމަކަށް އައްޔަންވުން" މިހެން ބަޔާންކޮށްފައި ވެއެވެ. ވަޒީފާގެ އެއްބަސްވުމުގައި މި ގޮތަށް ބަޔާންކުރެވިފައި އޮތް ނަމަވެސް، ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާގެ އެއްބަސްވުމާ ޚިލާފުވެގެން ނޫންކަން، ޢަލީ ނަޞީރު އާދަމް މުސްކުޅިކޮށް ވަޒީފާއިން ވަކިކުރިކަން ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް އަށް އެންގި ޗިޓުގައި ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކުރީ، ޢަލީ ނަޞީރު އާދަމް ވަޒީފާއިން "ވަކިވުމަށް އެދިގެން" ކަމަށް ލިޔެފައި އޮތުމުން އެނގެއެވެ.

ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވުމަށް އެ ކޮމިޝަނުގައި އެދިފައި އޮތްކަމުގެ ހެއްކެއް މި ގަޒިއްޔާގައި ސިވިލް ސަރވިސް ކޮމިޝަނަށް ދެއްކިފައެއް ނެތެވެ. އަދި ޢަލީ ނަޞީރު އާދަމް އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމާ ޢަލީ ނަޞީރު އާދަމް ޚިލާފުވެފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަން އިން ޢަލީ ނަޞީރު އާދަމް އަށް ފޮނުވި ވަޒީފާއިން ވަކިކުރުމުގެ ޗިޓުގައި ބުނެފައެއް ނެތެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކޮށްފައިވަނީ، ސިވިލް ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާގެ އުމުރުން 55 އަހަރުވުމުން އޭނާ މަސައްކަތްކުރާ އޮފީހުން އެދިގެން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ކޮމްޕަލްސަރީ ރިޓަޔަރމެންޓެއްގެ ގޮތުގައި ކަމަށް އެނގެން ނެތެވެ.

ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެފައިވަނީ ސިވިލް ސަރވިސްގެ ގާނޫނުގެ 50 ވަނަ މާއްދާގެ (ހ) ގެ ދަށުން 55 އަހަރުވުމުން ވަޒީފާއިން ވަކިވުމަށް އޭނާ އަމިއްލައަށް އެދިގެން ކަމަށް ނުވާތީ އާއި ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކޮށްފައިވަނީ، ސިވިލް ސަރވިސްގެ ގާނޫނުގެ 49 ވަނަ މާއްދާގެ (ހ) ގެ ދަށުން އޭނާގެ އުމުރުން 55 އަހަރުވުމުން އޭނާ މަސައްކަތް ކުރާ އޮފީހުން އެދިގެން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ކޮމްޕަލްސަރީ ރިޓަޔަރމެންޓެއްގެ ގޮތުގައި ކަމަށް ނުވާތީ، ޢަލީ ނަޞީރު އާދަމް އަށް ސިވިލް ސަރވިސްގެ ގާނޫނުގެ 50 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރުމުން ދޭ އިނާޔަތްތައް ދެވިދާނެ ކަމަށް އަހުރެންނަކަށް ނުފެނުނެވެ.

ވަޒީފާއިން ވަކިކުރީ ގާނޫނާ އެއްގޮތަށްތޯ ބެލުން

ޢަލީ ނަޞީރު އާދަމް ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ބުނެފައިވަނީ އޭނާ ސިވިލް ސަރވިސްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކުރެވިފައިވަނީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތަށް ނޫން ކަމަށެވެ.

ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތަށްތޯ ބަލާއިރު ދެކަމެއް ފާހަގަކުރެވެއެވެ. އެއީ:

(ހ) ފުރަތަމަ ކަމަކީ، ވަޒީފާއިން ވަކިކުރިކަން ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަސީރަށް އެންގި ޗިޓުގައި ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކުރީ ޢަލީ ނަޞީރު އާދަމް ވަޒީފާއިން "ވަކިވުމަށް އެދިގެން" ކަމަށް ލިޔެފައި އޮތް ނަމަވެސް، ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވުމަށް އެ ކޮމިޝަނުގައި އެދިފައި އޮތްކަމުގެ ހެއްކެއް މި ގަޒިއްޔާގައި ސިވިލް ސަރވިސް ކޮމިޝަނަށް ދެއްކިފައި ނެތެވެ.

(ށ) ދެވަނަ ކަމަކީ، ޢަލީ ނަޞީރު އާދަމް އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމާ ޢަލީ ނަޞީރު އާދަމް ޚިލާފުވެފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަން އިން ބުނެފައި ނެތް ކަމެވެ.

ޢަލީ ނަޞީރު އާދަމް ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވުމަށް އެ ކޮމިޝަނުގައި އެދިފައި ނުވާތީ އާއި ޢަލީ ނަޞީރު އާދަމް އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމާ ޢަލީ ނަޞީރު އާދަމް ޚިލާފުވެފައިވާ ކަމަށް ސިވިލް ސަރވިސް ކޮމިޝަން އިން ބުނެފައި ނުވާތީ، ޢަލީ ނަޞީރު އާދަމް 20 މޭ 2010 ގައި ވަޒީފާއިން ވަކިކުރީ ވަޒީފާއާބެހޭ ގާނޫނާ އެއްގޮތަށް ކަމަށް ބަލާނެ ހަމައެއް ނެތެވެ.

ޢަލީ ނަޞީރު އާދަމް ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާއި، ޢަލީ ނަޞީރު އާދަމް އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމާ އެއްގޮތަށް ކަމަށް ނުވާތީ، ޢަލީ ނަޞީރު އާދަމް އަށް ގެއްލުމުގެ ބަދަލު ޙައްޤުވެއެވެ.

އެހެން ކަމުން، ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާއަށް އޭރު މަހަކު ލިބެމުން ދިޔަ މުސާރައިގެ ރޭޓުން 12 މަސް ދުވަހުގެ މުސާރައަށްވާ ފައިސާއާ އެއްވަރުގެ ފައިސާގެ އަދަދެއް ނަގައިދިނުމަކީ އަދުލުވެރި ބަދަލެއް ކަމުގައި އަހުރެންނަށް ގަބޫލުކުރެވެއެވެ. އަދި މިގޮތަށް މި ގަޒިއްޔާއިން މި ގެއްލުމުގެ ބަދަލު ނަގައިދިނުމަކީ އޭނާއަށް މިހާރު ލިބެމުންދާ އެއްވެސް ޕެންޝަނެއް ދެމުން ގެންދިއުމަށް އެޅޭ ހުރަހެއް ނޫނެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުފަނޑިޔާރު ހުސްނުއްސުއޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު2014/HC-A/281 ގަޒިއްޔާގެ ހުކުމް ބާތިލުކޮށް، މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ޢަލީ ނަޞީރު އާދަމް އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ވަޒީފާއާބެހޭ ގާނޫނާއި، ޢަލީ ނަޞީރު އާދަމް އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމާ ޚިލާފަށް ކަމަށް ކަނޑައަޅައި، ޢަލީ ނަޞީރު އާދަމް އާއި ސިވިލް ސަރވިސް ކޮމިޝަނާ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމާ ސިވިލް ސަރވިސް ކޮމިޝަނުން ޚިލާފުވެފައިވާތީވެ، ޢަލީ ނަޞީރު އާދަމް އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާއަށް އޭރު މަހަކު ލިބެމުން ދިޔަ މުސާރައިގެ ރޭޓުން 12 މަސް ދުވަހަށްވާ ފައިސާ ސިވިލް ސަރވިސް ކޮމިޝަނުން ޢަލީ ނަޞީރު އާދަމް އަށް އެއްފަހަރާ ދިނުމަށް އަންގައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޙުސްނުއްސުޢޫދުޢާއިޝާ ޝުޖޫން މުޙައްމަދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ