ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2022] SC 22 · 2021/SC-A/15ސުޕްރީމް ކޯޓު · 31 މާރިޗު 2022

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް

ސުޕްރީމް ކޯޓު
7 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 31 މާރިޗު 2022ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2021/SC-A/15

ޝަރީޢަތް ނިމުނުގޮތް

މޯލްޑިވްސް އިންލަންޑް ރިވެނިއު އޮތޯރިޓީ ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް

ފަނޑިޔާރުންގެ މަޖިލިސް

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު

31 މާރޗް 2022އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2017/HC-A/374

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑްމޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ޤާނޫނީ ވަކީލު:

މުޙައްމަދު ޝަހުދީ އަންވަރު، މ.ބްލޫސްޓޯން، މާލެ ބަދަލުގައި: މަރްޔަމް ޔާޝާ

ޢަލީ އާމިރު

އާމިނަތު ނާއިފާ

ޢަލީ މުޢާޒު

މަދަނީ – ޓެކްސް ފައިސާ ހޯދުން – ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން – ނޯޓިސް އޮފް ޓެކްސް އެސެސްމެންޓް – އޮބްޖެކްޝަން ރިވިއު ރިޕޯޓް – ވިތުހޯލްޑިންގ ޓެކްސް - ރިމިއުނަރޭޝަން- (Remuneration) ރީއިމްބާރސްމަންޓް (Reimbursement) - މަދަނީ މުޢާމަލާތްތައް ސާބިތުކުރުމުގެ ވަސީލަތްތައް - ލިޔެފައި ހުންނަ އިންސްޓްރޫމެންޓްތައް - ޤާނޫނުގެ ޞަރީޙަ ނައްޞަށްވުރެ ފުޅާކޮށް ޤާނޫނެއްގެ މާއްދާތައް މާނަކުރުން - ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) - ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) - ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރު - ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 38 ވަނަ ނަންބަރު - މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާ

މޯލްޑިވްސް އިންލަންޑް ރިވެނިއު އޮތޯރިޓީ ވ. ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް[2022] SC 22

އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-W/2015/002 ނިންމުން ރަނގަޅުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާއިން ކަނޑައެޅި ކަނޑައެޅުން ރަނގަޅުނޫން ކަމަށްބުނެ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީގެފަހުން: "މީރާ" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") އިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާފަރާތަކީ، ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑް (ކުންފުނި ރަޖިސްޓްރޭޝަން ނަންބަރު:C-0154/2004) (މީގެ ފަހުން: "ލަނޑާ ގިރާވަރު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތް

ލަނޑާ ގިރާވަރަކީ ދިވެހިރާއްޖޭގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެކެވެ. 18 މޭ 2006 ގައި، ލަނޑާ ގިރާވަރު އާއި ބްރިޓިސް ވަރޖިން އައިލެންޑްސްގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއް ކަމަށްވާ ފޯ ސީޒަންސް ހޮޓެލްސް އެންޑް ރިޒޯޓްސް އޭޝިޔާ ޕެސިފިކް ޕްރައިވެޓް ލިމިޓެޑް ("ފޯސީޒަންސް") އާ ދެމެދު ރިސޯޓް މެނޭޖްމަންޓް އެގްރީމަންޓް ("މެނޭޖްމަންޓް އެގްރީމަންޓް") އެއްގައި ސޮއި ކުރިއެވެ. މެނޭޖްމަންޓް އެގްރީމަންޓްގެ އާޓިކަލް 8 ގައި ލަނޑާ ގިރާވަރުން ފޯ ސީޒަންސްއަށް ދައްކަންޖެހޭ "ރިމިއުނަރޭޝަން" (Remuneration) އަދި ރީއިމްބާރސްމަންޓް (Reimbursement) ތަކުގެ ތަފުސީލު ބަޔާންކޮށްފައިވެއެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ގެ ދަށުން، މީރާ އިން ލަނޑާ ގިރާވަރު އޮޑިޓްކުރިއެވެ. މި އޮޑިޓްގެ މުއްދަތަކީ 18 ޖުލައި 2011 އިން ފެށިގެން 28 ފެބުރުވަރީ 2014 ގެ ނިޔަލަށެވެ. މި އޮޑިޓުގައި ބަލާފައިވަނީ ލަނޑާ ގިރާވަރުގެ ވިތުހޯލްޑިންގ ޓެކްސްގެ ހިސާބުތަކަށެވެ.

އޮޑިޓަށް ފަހު، މީރާ އިން ލަނޑާ ގިރާވަރަށް ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް ފޮނުވިއެވެ.

މީރާއިން ފޮނުވި ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް ގައި ވިތުހޯލްޑިންގ ޓެކުހުގެ ގޮތުގައި ލަނޑާ ގިރާވަރުން އިތުރަށް ދައްކަންޖެހޭ ކަމަށް ބަޔާންކޮށްފައިވާ ފައިސާއަކީ ދައްކަންޖެހޭ ފައިސާއެއް ނޫންކަމަށް ބުނެ، މީރާގެ އެ ނިންމުމަށް އިޢުތިރާޟްކޮށް ލަނޑާ ގިރާވަރުން އެކަން މީރާއަށް 27 މެއި 2015 ގައި އެންގިއެވެ. ލަނޑާ ގިރާވަރުން އިޢުތިރާޟްކޮށް ހުށަހެޅި މައްސަލަ ބެލުމަށްފަހު، ލަނޑާ ގިރާވަރުގެ އިޢުތިރާޟް ބަލައިނުގަންނަ ކަމަށާއި މީރާގެ ނޯޓިސް އޮފް ޓެކްސް އެސެސްމަންޓް ގައި ބަޔާންކޮށްފައިވާ ވިތުހޯލްޑިންގ ޓެކްސްގެ ފައިސާއަކީ ލަނޑާ ގިރާވަރުން ދައްކަންޖެހޭ ފައިސާއެއްކަމަށް މީރާގެ އޮބްޖެކްޝަން ރިވިޔު ރިޕޯޓް އިން ކަނޑައަޅައި ލަނޑާ ގިރާވަރަށް އެކަން އެންގިއެވެ.

މީރާގެ އެ ނިންމުމާމެދު ލަނޑާ ގިރާވަރުން ހިތްހަމަނުޖެހޭތީވެ އެކަން ބަލައިދިނުމަށް އެދި ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ލަނޑާ ގިރާވަރުން މައްސަލަ އިސްތިއުނާފުކުރިއެވެ. ޓެކްސް އެޕީލް ޓްރައިބިއުނަލުން ލަނޑާ ގިރާވަރުގެ އިސްތިއުނާފު ބަލައިފައިވަނީ އެ ޓްރައިބިއުނަލްގެ ނަންބަރުTAT-CA-W/2015/002 ނިންމުން އިންނެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ނިންމާފައިވާ ގޮތާމެދު ހިތްހަމަނުޖެހޭތީވެ މީރާގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. މީރާއިން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ މައްސަލަ އެ ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާއިންއެވެ.

މިއީ، ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާ ނިންމާފައިވާ ގޮތާމެދު މީރާއިން ހިތްހަމަނުޖެހޭތީވެ، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ.

ލަނޑާ ގިރާވަރުގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅި އިސްތިއުނާފު

ލަނޑާ ގިރާވަރުގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅި މައްސަލައަކީ، މީރާގެ ވިތުހޯލްޑިންގ ޓެކްސް އޮޑިޓް ރިޕޯޓް އާއި ރިވައިސްޑް ނޯޓިސް އޮފް ޓެކްސް އެސެސްމެންޓް އާއި އޮބްޖެކްޝަން ރިވިއު ރިޕޯޓް އިން، ލަނޑާ ގިރާވަރުން އިތުރަށް ދައްކަންޖެހޭކަމަށް އަންގާފައިވާ ވިތުހޯލްޑިންގ ޓެކުހަކީ ލަނޑާ ގިރާވަރުން ޒިންމާވާންޖެހޭ އެފަރާތުގެ އަމިއްލަ ޚަރަދުތަކަކަށް، ފޯ ސީޒަންސްގެ މެދުވެރިއެއް، ނުވަތަ ލަނޑާ ގިރާވަރުގެ އެޖެންޓެއްގެ ގޮތުން ފަހުން ދައްކާގޮތަށް ނުވަތަ ރީއިމްބާރސްކުރާ ގޮތަށް ފޯ ސީޒަންސްއިން ކޮށްފައިވާ ޚަރަދުތަކަށް ލަނޑާ ގިރާވަރުން ދައްކާފައިވާ ފައިސާއެއް ކަމަށްވާތީ، އެ ފައިސާއަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން ވިތުހޯލްޑިން ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ޓެކުހެއް ނޫންކަމަށް ކަނޑައަޅައިދިނުމަށް އެދި އިސްތިއުނާފު ކުރި މައްސަލައެކެވެ.

ލަނޑާ ގިރާވަރުން ބުނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައި ކަނޑައެޅި ބަޔާންކޮށްފައިނުވާ ކަމަކަށް ޓެކުހެއް ނެގޭ ގޮތަށް ޤާނޫނެއް މާނަކުރުމުގެ ބާރު ޤާނޫނުއަސާސީގެ 97 ވަނަ މާއްދާއިން ވެރިކަން ހިންގާ ފަރާތަށް ނުވަތަ އެނޫންވެސް ފަރާތަކަށްވެސް ލިބިދީފައި ނުވާކަމަށެވެ. އަދި ޤާނޫނުއަސާސީގެ 274 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ޓެކުހަކީ ދެވޭ ޚިދުމަތެއް ނުވަތަ ކޮށްދެވޭ ކަމަކާ ގުޅިގެން، ގަވާއިދާ އެއްގޮތްވާ ގޮތުގެމަތީން ނަގާ އަގެއް، ފީއެއް ނުވަތަ ކުއްޔެއް ފިޔަވައި، ދައުލަތަށް އާމްދަނީއެއް ހޯދުމުގެ ބޭނުމުގައި، ފަރުދެއްގެ އަތުން ނުވަތަ ޖަމާޢަތަކުން ނުވަތަ ޤާނޫނީ އެނޫންވެސް ޝަޚްޞަކުން، ސަރުކާރަށް ނެގޭ ކޮންމެ ފައިސާއެއްކަމަށް ބަޔާންކޮށްފައިވުމުން، ޓެކުހަކީ ކޮށްދެވޭ ކަމަކާ ގުޅިގެން ނުވަތަ ދެވޭ ޚިދުމަތަކާ ގުޅިގެން ނަގާ އަގަކަށް ވެގެން ނުވާނެކަން ޤާނޫނުއަސާސީގެ މަތީގައި ބުނި ދެ މާއްދާއިން ސާފުކޮށް އެނގޭތީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ނުހިމެނޭ ޓެކުހެއް ދައްކަން މީރާއިން އެންގުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއާ ޚިލާފުކަމެއްކަމަށެވެ.

ލަނޑާ ގިރާވަރުގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅި އިސްތިއުނާފަށް މީރާއިން ދިން ރައްދު

މީރާއިން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ބުނެފައިވަނީ، ޓެކްސް ދެއްކުމަށް އަންގާފައިވާ މުޢާމަލާތްތަކާއި، ޓެކްސް ދެއްކުމަށް އެންގި ސަބަބަށް ބަލަންޖެހޭކަމަށެވެ. ޓެކްސް ދެއްކުމަށް އެންގި ފައިސާއަކީ ލަނޑާ ގިރާވަރު އާއި ފޯ ސީޒަންސްއާ ދެމެދު 1 މާރިޗު 1998 ގައި ވެފައިވާ މެނޭޖްމަންޓް އެގްރީމެންޓްގެ ދަށުން ލަނޑާ ގިރާވަރުން ފޯ ސީޒަންސްއަށް ދައްކާފައިވާ ފައިސާއެއްކަމަށެވެ. މެނޭޖްމަންޓް އެގްރީމެންޓްގެ ދަށުން ލަނޑާ ގިރާވަރުން ފޯސީޒަންސްއަށް ދެއްކި ފައިސާއަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ގެ 6 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ހިންގުމުގެ ގޮތުން ދޭ ޚިދުމަތްތަކާ ގުޅިގެން ދެއްކި ފައިސާއެއްކަން މީރާއަށް ކަށަވަރުވާކަމަށެވެ. ސަބަބަކީ، ލަނޑާ ގިރާވަރުން ފޯސީޒަންސްއަށް ދެއްކި ފައިސާއަކީ ރީއިމްބާރސްމަންޓްތަކެއް ކަމުގައިވިއަސް، އެ ފައިސާއަކީ މެނޭޖްމަންޓް އެގްރީމެންޓުގެ ދަށުން ތަޞައްވަރުކޮށްފައިވާ ޚިދުމަތަކާ ގުޅިގެން ދައްކާފައިވާ ފައިސާއެއް ކަމަށްވާތީއެވެ. އަދި، މެނޭޖްމަންޓް އެގްރީމެންޓެއް ނެތްނަމަ، ލަނޑާ ގިރާވަރަށް ފޯ ސީޒަންސް މެދުވެރިކޮށް އެ ޚިދުމަތްތައް ނުލިބޭނެތީއެވެ. ވިތުހޯލްޑިންގ ޓެކްސްނެގުމުގައި އެގްރީމެންޓެއް އޮތް ހާލަތުގައި އަބަދުވެސް ބަލަންޖެހޭނީ އެގްރީމެންޓަށްކަމަށާއި އެގްރީމެންޓެއް ނެތް ހާލަތުގައި ބަލަންޖެހޭނީ ޤާނޫނަށްކަމަށެވެ. އަދި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ގެ 6 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރުގެ ދަށުން ޓެކްސް ދެއްކުމަށް ލަނޑާ ގިރާވަރަށް އެންގި އެންގުމަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 97 ވަނަ މާއްދާ އާއި 274 ވަނަ މާއްދާއާ ޚިލާފު ނިންމުމެއް ކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތްކަމަށެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން

ލަންޑާ ގިރާވަރުގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ކުޅަ އިސްތިއުނާފު ބެއްލެވި 5 (ފަހެއް) މެންބަރުންގެ ތެރެއިން 3 (ތިނެއް) މެމްބަރުންގެ އަޣުލަބިއްޔަތުން ނިންމަވާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ނައްޞު ކުރެވިފައިނުވާ ކަމަކާ ގުޅިގެން، ގަނެފައިވާ އެއްޗަކުން ނުވަތަ ކޮށްފައިވާ ޚަރަދަކުން، ވިތުހޯލްޑިންގ ޓެކުހެއް ނުނެގޭނެކަމަށެވެ. އަދި މީރާއިން ލަނޑާ ގިރާވަރު އަތުން ނަގާފައިވާ ވިތުހޯލްޑިންގ ޓެކުހާއި، އެއާ ގުޅިގެން ނަގާފައިވާ ޖޫރިމަނާ ފައިސާއަކީ ލަނޑާ ގިރާވަރަށް އަނބުރާ ރައްދުކުރަންޖެހޭނެ ފައިސާއެއްކަމަށެވެ.

މީރާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތައް

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނިންމުން ރަނގަޅުނޫން ކަމަށް ބުނެ މީރާގެ ފަރާތުން 3 (ތިނެއް) ނުކުތާއެއް ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. މީރާއިން ހައިކޯޓުގައި އިސްތިއުނާފުކުރި 3 ނުކުތާއަކީ:

13.1- ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދު ގެ 38 ވަނަ ނަންބަރަށް ބަލާއިރު، މީރާގެ ނިންމުން ރަނގަޅު ނޫންކަން ސާބިތުކޮށްދިނުމުގެ ބުރައަކީ އިޢުތިރާޟްކުރާ ފަރާތުން އުފުލަންޖެހޭ ބުރައެއްގެ ގޮތުގައި ކަނޑައަޅާފައިވަނިކޮށް، އެއާ ޚިލާފަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-W/2015/002 ނިންމުން ނިންމާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.

13.2- މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގައި ކަނޑައަޅާފައިވާ އުސޫލުތަކުގެ ތެރެއިން އެއް އުސޫލު އަނެއް އުސޫލުގެ މައްޗަށް އިސްކުރާނަމަ، އެކަމުގެ ސަބަބު ބަޔާންކޮށްދޭންވާނެކަމަށް، އެ ޤާނޫނުގެ 7 ވަނަ މާއްދާގައި ކަނޑައަޅާފައިވާ ކަނޑައެޅުމާ ޚިލާފަށް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-W/2015/002 ނިންމުން ނިންމާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.

13.3- ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނު ގެ 6 ވަނަ މާއްދާގެ (ހ) ގެ 4 ވަނަ ނަންބަރާ ޚިލާފަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-W/2015/002 ނިންމުން ނިންމާފައިވާ ކަމަށްބުނެ ހުށަހެޅި ނުކުތާ.

ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާގޮތް

މީރާ އާއި ލަނޑާ ގިރާވަރާ ދެމެދު އުފެދިފައިވާ ޚިލާފުގެ މައްޗަށް ބަލައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޮތެއް ކަނޑައަޅަންޖެހޭނީ، ވިތުހޯލްޑިންގ ޓެކްހުގެ ގޮތުގައި މީރާގެ ފަރާތުން ލަނޑާ ގިރާވަރުން ދައްކަން އެންގި ޓެކުހަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގައި ބުނާ ގޮތާ އެއްގޮތަށް ދައްކަން އަންގާފައިވާ ޓެކުހެއްކަން ނުވަތަ ނޫންކަން ކަނޑައެޅުން ކަމަށް ހައިކޯޓުގެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓްގައި، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލައި، ވިތުހޯލްޑިންގ ޓެކްސް ނެގުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި ވިތުހޯލްޑިންގ ޓެކްސް ދެއްކުން ލާޒިމްވާ ޝަރުޠުތަކާއި އެ ޝަރުޠު ފުރިހަމަވެފައިވޭތޯ ބެލުމުގައި އިސްކަންދިނުމަށް ކަނޑައެޅިފައިވާ ތަރުތީބުތަކަކީ ކޮބައިކަން ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާއަށް ހަވާލާދީ ހައިކޯޓުގެ އަޣުލަބިއްޔަތު ރަޢުޔުގައި ބަޔާންކޮށްފައިވަނީ ޤާނޫނުގައި ސާފުކޮށް ކަނޑައެޅި ބަޔާންކުރެވިފައިވާ ކަންކަމަށް މެނުވީ ދައުލަތަށް ޓެކްސް ނުނެގޭނެ ކަމަށެވެ. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ނައްޞު ކުރެވިފައިވާ ކަންކަމަކީ ޤައިދުކުރެވިފައިވާ ކަންތައްތަކެއްކަމަށާއި ބުނެވުނު ޤައިދުތަކުގެ ބޭރަށް ގޮސް މާނަ ކުރުންތަކެއްއެ މާއްދާއަށް ގެނެސް އެ މާއްދާގައި ބުނާ ކަންތައްތަކުގެ ބޭރަށް ދެވޭނަމަ އެއީ ޤާނޫނުގައި ކަނޑައަޅައި ބުނެފައިވާ ގޮތް ނޫންގޮތަކަށް ޓެކްސް ނެގުންކަމަށެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ 04 ވަނަ ނަންބަރަށް ބެލުމުން، އެ މާއްދާއިން ދޭހަވާ އާންމު މާނައަކީ، އެ ނަންބަރުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގޭނީ، ހިންގުމުގެ ގޮތުންދޭ ޚިދުމަތަށް ދައްކާ ފައިސާއިންނާއި، އަމިއްލަ ގޮތުން ނުވަތަ ޓެކްނިކަލް ގޮތުން ދޭ ޚިދުމަތަށް ދައްކާ ފައިސާއިންނާއި ވަޒީފާއަކުން ލިބޭ އާމްދަނީ އަކަށްނުވާ އެ ނޫންވެސް ފީއަކުންނާއި ވަޒީފާއަކުން ލިބޭ އާމްދަނީއަކަށްނުވާ އެ ނޫންވެސް ކޮމިޝަނަކަށް ދައްކާ ފައިސާއިންކަމުގައެވެ.

ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 38 ވަނަ މާއްދާގައި ބަޔާންކުރާ އުސޫލަށް ޓެކްސް އެޕީލް ޓްރައިބިއުނަލްއިން ރިޢާޔަތްކޮށްފައި ނުވާކަމަށްބުނެ މީރާއިން ފާހަގަކުރި ނުކުތާއާ ގުޅިގެން ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރަޢުޔުގައި ބަޔާންކުރަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގަވާއިދުގެ 38 ވަނަ މާއްދާއަކީ ޓެކްސް ދައްކާ ފަރާތުން މީރާގައި އިޢުތިރާޟް ކުރާ ކުރުމުގައި ކަންކުރަންވީ ގޮތް ބަޔާންކޮށްދިނުމަށް އޮތް މާއްދާއެއްކަން އެނގޭކަމަށެވެ. މީރާގެ ފަރާތުން ޙަވާލާދޭ ގަވާއިދުގެ 38 ވަނަ މާއްދާއަށް ޢަމަލުކުރަން ލާޒިމްނުވާތީއެ މާއްދާއަށް ޓެކްސް އެޕީލް ޓްރައިބިއުނަލުން ޢަމަލުނުކުރީކަމަށް ބަލައި ޓްރައިބިއުނަލުގެ ނިންމުން ގޯސްކަމުގައި ބުނެވެންނެތްކަމަށެވެ. އަދި ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި އާންމު އުސޫލެއްގެ ގޮތުން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ދަޢުވާ އުފުލާފަރާތް ކަމުގައިވީ ނަމަވެސް، ދަޢުވާގެ ދިފާޢުގައި އެއް ޚަޞްމަކު އަނެއް ޚަޞްމަކާ ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢުއެއް ކުރިމަތި ކުރާ ފަރާތްކަމަށާއި މި މައްސަލައިގައި ލަނޑާ ގިރާވަރުގެ ފަރާތުން ހުށަހެޅި މައްސަލައިގައި މީރާގެ ފަރާތުން ވަނީ ދަފްޢުއެއް ކުރިމަތިކޮށްފައި ކަމަށާއި އެ ދަފްޢު ސާބިތުކުރުމުގެ ބުރައަކީ މީރާގެ ފަރާތުން އުފުލަންޖެހޭނެ ބުރައެއް ކަމަށެވެ.

ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާގެ ޙުކުމުގައިވަނީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-w/2015/002 ނިންމުމަށް ބަދަލެއް ގެންނަންޖެހޭތަނެއް ނެތްކަމަށެވެ.

މީރާގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ނުކުތާތައް

ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްބުނެ، މީރާއިން 03 (ތިނެއް) ނުކުތާއެއް ހުށަހަޅައި އެ 03 (ތިނެއް) ނުކުތާއާ މެދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވާހަކަ ދައްކާފައިވެއެވެ.

މީރާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ފުރަތަމަ ނުކުތާއަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު މާނަކޮށް، މައްސަލައިގެ ވާޤިއާތަކަށްއެ މާއްދާ ތަޠުބީޤުކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ކުށެއް ހެދިފައިވާކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މިނުކުތާ ތަފްޞީލްކޮށްދެމުން މީރާއިން ބުނަނީ، ފޯ ސީސަންސް އާއި ލަނޑާ ގިރާވަރާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓްގެ ދަށުން ދައްކާ ރީއިމްބަރސްމަންޓަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ ތެރޭގައި ހިމެނޭ ފައިސާއެއްކަމަށެވެ. މި ފައިސާއިން ވިތުހޯލްޑިންގ ޓެކްސް ދައްކަން އެންގީ ހަމައެކަނި މެނޭޖްމަންޓް އެގްރީމަންޓްގެ މައްޗަށް ބަލައިގެން ނޫންކަމަށާއި ވިތުހޯލްޑިންގ ޓެކްސް ދައްކަން އެންގީ ވަކިވަކި އިންވޮއިސްތަކަށް ބެލީމާ، އެއީ ހިންގުމުގެ ގޮތުން ދެއްކި ފައިސާއެއްކަމަށް ޤަބޫލުކުރެވޭތީކަމަށެވެ. ރީއިމްބަރސްމަންޓަކީ އަގު އަދާކޮށްފައިވާގޮތްކަމަށާއި، އަގު އަދާކޮށްފައިވާ ގޮތަކީ މުޢާމަލާތެއްގެ ޠަބީޢަތު ދެނެގަނެވޭނެ ގޮތެއް ނޫންކަމަށެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު މައްސަލައިގެ ވާޤިޢާތަކަށް ހައިކޯޓުން ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށް ނޫންކަމަށެވެ.

މީރާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ދެވަނަ ނުކުތާއަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި އަދި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ހެއްކާ ގުޅިގެން ކަނޑައަޅާފައިވާ އާންމު މަފްހޫމްތަކާ ފުށުއަރާ ބީދައަކުން މެނޭޖްމަންޓް އެގްރީމަންޓަށް ފުރިހަމައަށް ރިޢާޔަތްކުރެއްވުމެއް ނެތި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވާކަމަށްބުނެ ހުށަހެޅި ނުކުތާއެވެ. މީރާއިން ބުނަނީ ސުޕްރީމް ކޯޓުގެ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ބަޔާންކުރަނީ މަދަނީ ދަޢުވާ ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ ހެކި ކަމަށެވެ. ޙުޞޫމަތު އުފެދިފައިވާ ފައިސާއަކީ މެނޭޖްމަންޓް އެގްރީމަންޓްގެ ދަށުން ދައްކާފައިވާ ފައިސާއެއް ކަމުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ތެރޭގައި ހިމެނޭ ފައިސާއެއްކަން ދެނެގަތުމުގެގޮތުން އެ މުޢާމަލާތުގެ ޠަބީޢަތް ދެނެގަނެވޭނީ އެ އެގްރީމަންޓަށް ރިޢާޔަތްކޮށްގެން ކަމަށެވެ. އަދި ހައިކޯޓުން މައްސަލަ ނިންމާފައިވަނީ މީރާއިން މެނޭޖްމަންޓް އެގްރީމަންޓަށް ރިޢާޔަތްކުރި ޙަޤީޤީ ސަބަބަށް ރިޢާޔަތް ކުރުމެއްނެތިކަމަށެވެ.

މީރާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ތިންވަނަ ނުކުތާއަކީ، ދަފްޢު ސާބިތުކުރުމުގެ މިންގަނޑުގެ އާންމު އުސޫލާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 34 ވަނަ މާއްދާ ދިވެހިރާއްޖޭގެ ހައިކޯޓުން ތަޠުބީޤުކޮށްފައި ވަނީ ދަފްޢު ސާބިތުކުރުމުގެ މިންގަނޑާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދު ގެ 34 ވަނަ މާއްދާއާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ. މި ނުކުތާ ތަފްޞީލްކޮށްދެމުން މީރާއިން ބުނަނީ ވަކި ދަފްޢުއެއް ކުރިމަތިކުރި ފަރާތުން އެ ދަފްޢުއެއް ސާބިތުކޮށްދޭންޖެހޭ ކަމުގައިވަނީ ނަމަ، ޚުޞޫމަތު އުފެދިފައިވާ ފައިސާއަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ހިމެނިގެންނުވާ ފައިސާއެއްކަމަށް ބަޔާންކޮށް ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް އިސްތިއުނާފީ ދަޢުވާ ހުށަހެޅި ފަރާތަކީ ލަނޑާ ގިރާވަރު ކަމުގައި ވުމުން، އެ ދަފްޢު ސާބިތުކޮށްދޭންޖެހޭ ފަރާތަކީ ލަނޑާ ގިރާވަރު ކަމަށެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްގައި ހެކި ސާބިތުކޮށްދިނުމުގެ ޒިންމާ އޮންނާނީ އެ މައްސަލައެއް ހުށަހަޅާ ފަރާތަށް ކަމުގައި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 34 ވަނަ މާއްދާގައި ބަޔާންކޮށްފައިވާތީ، މީރާއިން ކުރިމަތިކުރި ދަފްޢު މީރާއަށް ސާބިތުކޮށްދެވިފައި ނުވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 34 ވަނަ މާއްދާއާ ޚިލާފަށްކަމަށެވެ. އަދި ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް ޝަރީޢަތަށް ސާބިތުވާކަން ނުވަތަ ނޫންކަން ބެލުމުގެ ބަދަލުގައި، ހަމައެކަނި މީރާގެ ދިފާޢީ ދަފްޢު މީރާއަށް ސާބިތުކޮށްދެވިފައިވާކަން ނުވަތަ ނޫންކަން ބެލުމަށްފަހު، ލަނޑާ ގިރާވަރުން ޓެކްސް އެޕީލް ޓްރައިބިއުނަލްއަށް ހުށަހެޅި އިސްތިއުނާފު ސާބިތުވާކަމަށް ޓެކްސް އެޕީލް ޓްރައިބިއުނަލް އިން ނިންމަވާފައިވާ ނިންމެވުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކުރެއްވުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާއާ ޚިލާފުވާ ކަމެއް ކަމަށެވެ.

މީރާއިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާތަކަށް ލަނޑާ ގިރާވަރުން ދިން ޖަވާބު

މީރާއިން ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ލަނޑާ ގިރާވަރުން ބުނަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ތަޠުބީޤުކުރުމުގައި ހައިކޯޓުން ގޯހެއް ހަދައިފައިވާކަމަށް ބަޔާންކުރުން ފިޔަވައި ހައިކޯޓުން ހަދައިފައިވާ ޤާނޫނީ ނުވަތަ ޝަރުޢީ ގޯހަކީ ކޮބައިކަން މީރާއަށް ބަޔާންކޮށްދެވިފައި ނުވާކަމަށެވެ. އަދި މި ނުކުތާއަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 12 ވަނަ މާއްދާއާއި 16 ވަނަ މާއްދާއާއި އަދި ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މައްސަލަ ބަލައިގަތުމާމެދު ނިންމިގޮތް، އާއި ސުޕްރީމް ކޯޓުގެ މުޙައްމަދު ރަޝާދު ވ. އެކްސްޕަވަރ މޮޓޯސް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާ ޚިލާފު ނުކުތާއެއް ކަމުން މީރާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ފުރަތަމަ ނުކުތާއަކީ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭނެ ނުކުތާއެއް ނޫންކަމަށެވެ.

މީރާއިން ހުށަހެޅި ދެވަނަ އިސްތިއުނާފީ ނުކުތާގެގެ ޖަވާބުގައި ލަނޑާ ގިރާވަރުން ބުނަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ 10 (ދިހައެއް) އަދި 11 (އެގާރަ) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބެލުމުން ހައިކޯޓުން މައްސަލަ ނިންމުމުގައި ޚުޞޫމަތް އުފެދިފައިވާ މުޢާމަލާތާ ގުޅޭ އެއްބަސްވުމަށް ރިޢާޔަތްކޮށްފައިވާކަމަށެވެ. މިގޮތުން، ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގައި ތަކުރާރުކޮށް ލަނޑާ ގިރާވަރާއި ފޯ ސީސަންސްއާ ދެމެދު ވެފައިވާ އެއްބަސްވުމަށް ޙަވާލާދީފައިވާކަމަށެވެ. މައްސަލައާ ގުޅިގެން ހުށަހެޅޭ ކިތާބީ ހެކިތައް ވަޒަންކޮށް އެ ހެކިތަކަށް ބުރަދަން ދޭނެ މިންވަރު ކަނޑައެޅުމަކީ މައްސަލަ ބަލާ ފަނޑިޔާރުންގެ އިޚުތިޔާރުގައި އޮންނަ ކަމެއްކަމަށެވެ. މެނޭޖްމަންޓް އެގްރީމަންޓަށް ރިޢާޔަތްކުރަން ނުޖެހޭނެކަމަކަށް ނުވަތަ ރިޢާޔަތްކޮށްފައިނުވާކަން ދަލާލަތު ކުރެވޭފަދަ އެއްވެސް ބަހެއް ނުވަތަ ބުނުމެއްވިޔަސް ހައިކޯޓު ރިޕޯޓުގެ އެއްވެސް ނުކުތާއަކުން އެނގެން ނެތްކަމަށެވެ.

މީރާއިން ހުށަހެޅި ތިންވަނަ އިސްތިއުނާފީ ނުކުތާގެ ޖަވާބުގައި ލަނޑާ ގިރާވަރުން ބުނަނީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ޢަމަލުކުރެވޭ ޢާންމު އުސޫލަކީ އެ މައްސަލައެއް ނުވަތަ އެ ދަޢުވާއެއް ކޯޓަށް ހުށަހަޅާ ފަރާތަކަށް އެ ހުށަހަޅާ ދަޢުވާ ސާބިތުކުރުމުގެ ބުރަ އުފުލަންޖެހުންކަމަށެވެ. އެހެންނަމަވެސް، ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން މައްސަލައިގައި ހިމެނޭ އެއްވެސް ފަރާތަކުން އަނެއް ފަރާތަކަށް ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމަކީ އެ ދަފްޢުއެއް ކުރިމަތިކުރި ފަރާތަކުން އުފުލަންޖެހޭ ބުރައެއްކަމުގައި ފާހަގަކުރާކަމަށެވެ. ޚުޞޫމަތް އުފެދިފައިވާ މުޢާމަލާތުގެ މައްޗަށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ޠަތުބީޤު ކުރެވޭނެކަމަށް ބުނި ފަރާތަކީ މީރާކަމަށްވާތީ މި ދަފްޢު ޓެކްސް އެޕީލް ޓްރައިބިއުލަންގައިވެސް އަދި ހައިކޯޓުގައިވެސް ސާބިތުކޮށްދޭންޖެހޭނީ މީރާއިންކަމަށެވެ.

މީރާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ފުރަތަމަ ނުކުތާގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރުން

މީރާއާއި ލަނޑާ ގިރާވަރާ ދެމެދު އުފެދިގެން އުޅޭ ޚިލާފަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު މާނަކުރުމުގައި އުފެދިގެން އުޅޭ ޚިލާފެކެވެ. މީރާއިން ސުޕްރީމް ކޯޓުގައި ބުނަނީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު މާނަކޮށް މައްސަލައިގެ ވާޤިއާތަކަށް އެ މާއްދާ ތަޠުބީޤުކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ކުށެއް ހެދިފައިވާކަމަށެވެ. ހައިކޯޓަށް ހެދުނު ކުށަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ހިމެނިފައިވާ ޢިބާރާތްތަކުގެ މައްޗަށް "އާންމު މާނައަށް ބެލުމުގެ އުސޫލު" ތަޠުބީޤުކުރުންކަމަށް މީރާއިން ބުނެއެވެ.

މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 2 ވަނަ މާއްދާއަށް ބަލާއިރު އެ ޤާނޫނުގެ މަޤްޞަދަކީ ދިވެހިރާއްޖޭގައި ޢަމަލުކުރާ ޤާނޫނުތަކާއި ގަވާއިދުތައް ވީހާވެސް އެއްގޮތަކަށް، ތަރުޖަމާ ކުރުމާއި މާނަކުރުމާއި ތަންފީޛުކުރުމުގެ އުސޫލުތައް އެކަށައެޅުމާއި، ޤާނޫނީ އިދާރާތަކުންނާއި ޝަރުޢީ ކޯޓުތަކުން ޤާނޫނު މާނަކުރުމުގައްޔާއި ތަރުޖަމާކުރުމުގައްޔާއި ތަންފީޛުކުރުމުގައި ޢަމަލުކުރަންވީ ހަމަތަކަކީ ކޮބައިކަން އަންގައިދިނުންކަން އެނގެއެވެ.

ޢާންމު މާނައަށް ބެލުމުގެ އުސޫލުތައް ބަޔާން ކުރަނީ މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނު ގެ 3 ވަނަ މާއްދާގައެވެ. އެ މާއްދާގައި ބުނަނީ:

ޢާންމު މާނައަށް ބެލުމުގެ އުސޫލު 3. ޢާންމު މާނައަށް ބެލުމުގެ އުސޫލު ޤާނޫނު މާނަކުރުމުގައި ބޭނުންކުރާނީ، އަންނަނިވި ކަންކަން ޙާޞިލްކުރުމަށެވެ.

(ހ) ރައްޔިތުންގެ މަޖިލީހުން ޤާނޫނެއް ފާސްކުރުމުގައި، ވަކި ކަމެއް އެ ޤާނޫނުގައި ބަޔާންކުރުމަށް ބޭނުންކޮށްފައިވާ ބަސް ނުވަތަ ޢިބާރާތް ނުވަތަ ޖުމްލައިން ދޭހަވާ ޢާންމު މާނަ، އެގޮތުގައި ދެމެހެއްޓުމަށް އިސްކަންދިނުން.

(ށ) ޤާނޫނެއް އެކުލަވާލުމުގައި، ވަކި ބަހެއް ނުވަތަ ޢިބާރާތެއް ނުވަތަ ޖުމްލައެއް، ޤާނޫނުގައި ބޭނުންކޮށްގެން، އެބަހުން ނުވަތަ ޢިބާރާތުން ނުވަތަ ޖުމްލައިން ދޭންބޭނުންވަނީ ކޮން މާނައެއްކަން ކަނޑައެޅުމުގެ ބާރު ލިބިގެންވަނީ ރައްޔިތުންގެ މަޖިލީހަށްކަމުގައި ބަލައި، ވަކި ކަމެއް ބަޔާންކުރުމަށް ރައްޔިތުންގެ މަޖިލީހުން ޤާނޫނެއްގައި ބޭނުންކޮށްފައިވާ ބަސް، ނުވަތަ ޢިބާރާތް، ނުވަތަ ޖުމްލަ، އެގޮތުގައި ދެމެހެއްޓުމަށްވުރެ ރަނގަޅުގޮތެއް ނޯންނާނެކަމަށް ބެލުން.

(ނ) ބަހެއް، ނުވަތަ ޢިބާރާތެއް، ނުވަތަ ޖުމްލައެއް ބޭނުންކޮށްފައިވާ ގޮތުން، އޭގެން ވަކި މާނައެއް ދޭހަވާކަމަށްވާނަމަ، އެ ދޭހަވާ މާނަ އެއަށްވުރެ ފުޅާކުރުމަކީ ނުވަތަ އޭގައި ނުހިމެނޭ ކަންތައްތަކެއް އޭގައި ހިމެނުމަށް މަސައްކަތް ކުރުމަކީ، ރަނގަޅުގޮތެއް ނޫންކަމަށް ބެލުން.

މިފަދައިންނެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާ އަށް ބަލާއިރު އެ މާއްދާގެ (ހ) ގައި ބަޔާންކުރަނީ:

"ތިރީގައި ބަޔާންކުރެވޭގޮތަށް ދައްކާ ފައިސާއަކީ، އެއްވެސް ޓެކްސް އަހަރެއްގައި ދިވެހިރާއްޖޭގައި ދިރިއުޅެމުން ނުގެންދާ މީހަކަށް ދައްކާފައިވާ، ނުވަތަ އެ ޓެކްސް އަހަރުގައި ދައްކަންޖެހިފައިވާ ފައިސާއެއްނަމަ، އެ ފައިސާ ދައްކާ ފަރާތުން މި މާއްދާގެ ދަށުން ޓެކްސް ދައްކަންޖެހޭނެ ފައިސާއެވެ."

މި ފަދައިންނެވެ.

އަދި މި މާއްދާގެ (4) ވަނަ ނަންބަރު ގައި ބަޔާންކުރަނީ:

"ހިންގުމުގެ ގޮތުން، އަމިއްލަގޮތުން ނުވަތަ ޓެކްނިކަލްގޮތުން ދޭ ޚިދުމަތަށް ދައްކާ ފައިސާ، އަދި ވަޒީފާއަކުން ލިބޭ އާމްދަނީއަކަށް ނުވާ އެނޫންވެސް ފީއެއް ނުވަތަ ކޮމިޝަނެއް؛"

މިފަދައިންނެވެ.

މީރާއިން ބުނަނީ، ފޯ ސީސަންސް އާއި ލަނޑާ ގިރާވަރާ ދެމެދު އޮތް މެނޭޖްމަންޓް އެގްރީމަންޓްގެ 8 ވަނަ މާއްދާގެ ދަށުން ދައްކާ ރީއިމްބަރސްމަންޓަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ތެރޭގައި ހިމެނޭ ފައިސާއެއްކަމަށެވެ. އަދި ލަނޑާ ގިރާވަރަށް ވިތުހޯލްޑިންގ ޓެކްސް ދައްކަން އެންގީ ހަމައެކަނި މެނޭޖްމަންޓް އެގްރީމަންޓްގެ މައްޗަށް ބަލައިގެން ނޫންކަމަށާއި، ވިތުހޯލްޑިންގ ޓެކްސް ދައްކަން އެންގީ ވަކިވަކި އިންވޮއިސްތަކަށް ބެލުމުން އެއީ ހިންގުމުގެ ގޮތުން ދެއްކި ފައިސާއެއްކަމަށް ޤަބޫލުކުރެވޭތީކަމަށެވެ.

ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާގެ އަޣުލަބިއްޔަތު ރައުޔަށް ބަލާއިރު، އެ ރައުޔުގައި ބުނަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުން ދޭހަވާ އާންމު މާނައަކީ އެ ނަންބަރުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގޭނީ، ހިންގުމުގެ ގޮތުންދޭ ޚިދުމަތަށް ދައްކާ ފައިސާއިންނާއި، އަމިއްލަ ގޮތުން ނުވަތަ ޓެކްނިކަލް ގޮތުން ދޭ ޚިދުމަތަށް ދައްކާ ފައިސާއިންނާއި، ވަޒީފާއަކުން ލިބޭ އާމްދަނީ އަކަށްނުވާ އެ ނޫންވެސް ފީއަކުންނާއި ވަޒީފާއަކުން ލިބޭ އާމްދަނީއަކަށްނުވާ އެ ނޫންވެސް ކޮމިޝަންއަކަށް ދައްކާ ފައިސާއިންކަމަށެވެ.މި ނޫން މާނައެއް އެ މާއްދާގެ މާނައަށް ބެލުމުން ދޭހައެއް ނުވާކަމަށެވެ. އަދި މި މައްސަލައިގައި ޚިލާފު އުފެދިފައިވާ ފައިސާގެ މުޢާމަލާތަކީ ރީއިމްބަރސްމަންޓެއްކަން މީރާގެ ފަރާތުން އެއްބަސްވެފައިވާކަމަށާއި ރީއިމްބަރސްކުރާ ގޮތަށް ކޮށްފައިވާ މުޢާމަލާތަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބުނާ ކަންކަމުގެ ތެރެއަށް ފެތޭގޮތަށް ހިނގާ ގޮސްފައިވާ މުޢާމަލާތެއްކަން އެ މާއްދާއަށް ބެލުމުން އެނގެން ނެތްކަމަށެވެ.މި މައްސަލައިގައި ހިމެނޭ ފައިސާ، ބުނެވުނު މާއްދާގެ ތެރެއަށް ފެތޭ ސަބަބަކީ، މެނޭޖްމަންޓް އެގްރީމަންޓްގެ ދަށުން ދައްކަންޖެހޭ ފައިސާ ކަމަށްވާތީކަމަށް މީރާގެ ފަރާތުން ބުނާބުނުން ފިޔަވައި އެނޫން ސަބަބެއް މީރާއަށް ބުނެދެވިފައިނުވާކަމަށާއި، މެނޭޖްމަންޓް އެގްރީމަންޓްގެ ދަށުންކަމަށް ބުނެ، މުޢާމަލާތެއް ހިންގި ނަމަވެސް ނުވަތަ އެނޫން ނަމެއްގައި، އެގްރީމެންޓެއް ނެތި މުޢާމަލާތެއް ކުރެވިފައި ވީނަމަވެސް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގޭނީ އެ މާއްދާގައި ބުނާ ގޮތަށް މުޢާމަލާތެއް ކުރެވިފައިވާނަމަކަމަށެވެ. އަދި މީރާގެ ފަރާތުން ޙަވާލާދޭ ލަނޑާ ގިރާވަރުގެ މުޢާމަލާތަކީ އެފަދަ މުޢާމަލާތެއްކަން އެނގެން ނެތްކަމަށެވެ.

ހައިކޯޓުގެ މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތު ރައުޔުގައި ވިތުހޯލްޑިންގ ޓެކްސް ނެގުމުގައި ބަލަންޖެހޭ މިންގަނޑުތަކާއި ވިތުހޯލްޑިންގ ޓެކްސް ދެއްކުން ލާޒިމްވާ ޝަރުޠުތަކާ، އަދިއެ ޝަރުޠުތައް ފުރިހަމަވެފައިވޭތޯ ބެލުމުގައި އިސްކަންދިނުމަށް ކަނޑައަޅާފައިވާ ތަރުތީބަކީ ކޮބައިކަން ސާފުކޮށް ބަޔާންކޮށްފައި އެބައޮތެވެ. ސުޕްރީމް ކޯޓުގެ މީޑިއާނެޓް ޕްރައިވެޓް ލިމިޓެޑް ވ. މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ޤަޟިއްޔާގެ ނިންމުމަށް ހަވާލާދީ ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި ބުނަނީ ޤާނޫނުގައި ސާފުކޮށް ކަނޑަޅި ބަޔާންކުރެވިފައިވާ ކަންކަމަށް މެނުވީ ދައުލަތަށް ޓެކްސް ނުނެގޭނެކަމަށެވެ. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ނައްޞު ކުރެވިފައިވާ ކަންކަމަކީ ޤައިދުކުރެވިފައިވާ ކަންތައްތަކެއްކަމަށާއި ބުނެވުނު ޤައިދުތަކުގެ ބޭރަށް ގޮސް މާނަ ކުރުންތަކެއް އެ މާއްދާއަށް ގެނެސް އެ މާއްދާގައި ބުނާ ކަންތައްތަކުގެ ބޭރަށް ދެވޭނަމަ އެއީ ޤާނޫނުގައި ކަނޑައަޅައި ބުނެފައިވާ ގޮތް ނޫންގޮތަކަށް ޓެކްސް ނެގުންކަމަށެވެ.

ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި ބެލުމުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވާކަން ކަނޑައަޅާފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 12 ވަނަ މާއްދާއިންނެވެ.އެ މާއްދާގައި ބުނަނީ:

"ހައިކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ނުވަތަ ނެރެފައިވާ އަމުރެއް ނުވަތަ ނިންމާފައިވާ ނިންމުމެއްކަމުގައި ވީނަމަވެސް، ޤާނޫނުއަސާސީއާ ނުވަތަ ޤާނޫނަކާ ނުވަތަ ޤާނޫނަކުން ބާރުލިބިގެން ހަދާފައިވާ ގަވާއިދަކާ ޚިލާފުކަމަށް ޤަބޫލުކުރެވިގެން، އެކަން ފާހަގަކޮށް، ކަމުގެ މަޞްލަޙަތު އޮތް ފަރާތަކުން ހުށަހަޅާ މައްސަލަތައް ބެލުމުގެ އިޚްތިޞާޞް ސުޕްރީމް ކޯޓަށް ލިބިގެންވެއެވެ."

މިފަދައިންނެވެ.

ހައިކޯޓުގެ ހުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތްތައް ބަޔާންކުރަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައެވެ. އެ ޤާނޫނުގެ 16 ވަނަ މާއްދާގައި ހައިކޯޓުގެ ޙުކުމްތަކާއި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ 2 (ދޭއް) ޙާލަތެއް ބަޔާން ކުރެއެވެ. އެއީ؛

(ހ) އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން.

(ށ) ހައިކޯޓުގެ ޙުކުމުގެ ނުވަތަ ނިންމުމުގެ ކުރިއަށް އައި އިޖުރާއަތެއްގައި ހިމެނުނު އަންނަނިވި ބާވަތްތަކުންކުރެ ބާވަތެއްގެ އައިބެއްގެ ސަބަބުން އެ ޙުކުމަށް ނުވަތަ ނިންމުމަށް އަސަރު ފޯރުވި އިޖުރާއަތަކީ ބާޠިލު އިޖުރާއަތެއް ކަމުގައިވުން.

އަޑުއެހުން ބޭއްވުމަށް ޤާނޫނުގައި ކަނޑައެޅިފައިވާ ގޮތާ ޚިލާފުވެފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން.

ޙުކުމުކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރަކީ އެ މައްސަލައެއް ބެލުމަށް ޝަރުޢީ ނުވަތަ ޤާނޫނީގޮތުން ހުރަސްއަޅާފަދަ ސަބަބެއް މެދުވެރިވެފައިވާ ފަނޑިޔާރަކު ކަމުގައިވުން.

ކޯޓުގެ ސިއްކަ ޖަހަންޖެހޭ ލިޔުމެއްގައި އެ ސިއްކަ ޖަހާފައި ނެތުން، ނުވަތަ ޙުކުމްކުރި ނުވަތަ ނިންމުން ނިންމި ފަނޑިޔާރެއްގެ ސޮއި ނެތުން.

ޙުކުމުގެ ނުވަތަ ނިންމުމުގެ ސަބަބުތައް ބަޔާންވެފައި ނެތުން.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާއަށް ބަލާއިރު، އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާފައިވާ ހައިކޯޓުގެ ޙުކުމް ނުވަތަ ނިންމުން ބިނާކުރެވިފައިވަނީ ޤާނޫނާ ޚިލާފަށްކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރުން؛ ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ޤަބޫލުކުރެވޭ ސަބަބުތަކެއް ހުރެއްޖެ ނަމަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިދާނެއެވެ. ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ މައްސަލަ ބަލައިގަތުމާމެދު ނިންމި ގޮތުގެ ރިޕޯޓުގައި ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ބަޔާންކުރަނީ ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގެ ނިންމުންތައް ހައިކޯޓުގައި އިސްތިއުނާފުކުރެވޭ ޙާލަތްތަކުގައި ދަށު ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރު ޤާނޫނީ ގޮތުން ގޯހެއް (ކުށެއް) ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމަކުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 43 ވަނަ މާއްދާއިން ހުއްދަކުރާ މިންގަނޑަށް ވާސިލުނުވެވޭކަމަށެވެ. ޤާނޫނީ ގޮތުން ގޯހެއް (ކުށެއް) ހަދާފައިވާ ކަމަށް ހަމައެކަނި ބުނާ ބުނުމުގެ އިތުރަށް އެކަމުގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުޘަކީ ކޮބައިކަން އިސްތިއުނާފު ކުރާފަރާތުން ހައިކޯޓަށް ސާފުކޮށްދޭންވާނެކަމަށެވެ.

ހައިކޯޓުގެ ޙުކުމްތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ޙައްޤު ލިބިދެވެނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންކުރާ 2 (ދޭއް) ޙާލަތުން ކުރެ ޙާލަތެއްގައެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ މައްސަލައެއްގައި، އެ މައްސަލަ ބެލި ފަނޑިޔާރުންނަށް، ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަކުރުމުގައި ކުށެއް ހެދިފައިވާކަމަށް ބުނާނަމަ، ސުޕްރީމް ކޯޓުގެ އިބްރާހީމް ޖިހާދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގައި ކަނޑައެޅުނު އުސޫލާ އެއްގޮތަށް، ޤާނޫނު މާނަކުރުމުގައި ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ހައިކޯޓަށް ކުށެއް ހެދިފައިވާކަމަށް ބުނާބުނުމުގެ އިތުރުން ޤާނޫނު މާނަކުރުމުގައި ނުވަތަ ޤާނޫނު ތަޠުބީޤުކުރުމުގައި ހައިކޯޓަށް ހެދުނު ކުށަކީ ނުވަތަ ގޯހަކީ ކޮބައިކަމާއި އެ ކުށުގެ ނުވަތަ ގޯހުގެ ސަބަބުން އުފެދޭ ޤާނޫނީ ބަހުސަކީ ކޮބައިކަން ވަރަށް ސާފުކޮށް ސުޕްރީމް ކޯޓުގައި ބުނެދެވެންވާނެއެވެ.

ލަނޑާ ގިރާވަރުގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލުގައި ކުރި އިސްތިއުނާފީ މައްސަލައެ ޓްރައިބިއުނަލުން ނިންމާފައިވަނީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގައި ނައްޞު ކުރެވިފައިނުވާ ކަމަކާ ގުޅިގެން، ގަނެފައިވާ އެއްޗަކުން ނުވަތަ ކޮށްފައިވާ ޚަރަދަކުން، ވިތުހޯލްޑިންގ ޓެކުހެއް ނުނެގޭނެކަމަށެވެ. ސަބަބަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާ (ހ) ގެ 4 ވަނަ ނަންބަރުން ކަނޑައަޅާފައިވާ ކަންކަމުގެ ތެރެއަށް މެނޭޖްމަންޓް އެގްރީމަންޓްގެ 8 ވަނަ މާއްދާގައި ބަޔާންކުރާ ރީއިމްބަރސްމަންޓްތައް ނުވަންނަކަމަށް އެ ޓްރައިބިއުނަލްއަށް ޤަބޫލުކުރެވޭތީއެވެ. ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވިފައިވާ ހައިކޯޓުގެ ނަންބަރު2017/HC-A/374 ޤަޟިއްޔާ ނިންމާފައިވަނީ ޓެކްސް އެޕީލް ޓްރައިބިނަލްގެ ނިންމުމަށް ތާއީދުކޮށެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު މާނަކޮށް މި މައްސަލައަށް ތަޠުބީޤުކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓަށް ހެދިފައިވާ ކުށަކީ ކޮބައިކަން އަހުރެންނަށް ޤަބޫލުކުރެވޭ މިންވަރަށް މި މައްސަލައިގައި މީރާއަށް ސާފުކޮށްދެވިފައެއް ނުވެއެވެ.އަދި މި މައްސަލައާގުޅޭ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރިޕޯޓަށާއި ހައިކޯޓުގެ ރިޕޯޓަށާއި ސުޕްރީމް ކޯޓުގައި މީރާގެ ފަރާތުން ދެއްކި ވާހަކަތަކަށާއި ލަނޑާ ގިރާވަރުން ދެއްކި ވާހަކަތަކަށާއި ޤާނޫނުއަސާސީގެ 97 ވަނަ މާއްދާއަށާއި 274 ވަނަ މާއްދާގެ (ހ) އަށް ރިޢާޔަތް ކުރާއިރު، މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބުނާ ހަމަތައް ތަޠުބީޤުކޮށް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު މާނަ ކުރުމުގައި ހައިކޯޓުގެ ފަނޑިޔާރުންނަށް އޮޅުމެއް އަރައި ކުށެއް ހެދިފައިވާކަމަށް އަހުރެންނަކަށް ޤަބޫލެއް ނުކުރެވެއެވެ.

މީރާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ދެވަނަ ނުކުތާގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރުން

ސުޕްރީމް ކޯޓުގައި މީރާގެ ފަރާތުން ބުނަނީ ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި މީރާއާއި ލަނޑާ ގިރާވަރާ ދެމެދު ޚުޞޫމަތް އުފެދިފައިވާ މައްސަލައިގައި ދެފަރާތުގެ ދެމެދުގައި ވެފައިވާ މެނޭޖްމަންޓް އެގްރީމަންޓަށް ފުރިހަމައަށް ރިޢާޔަތް ކޮށްފައިނުވާކަމަށެވެ. ޚުޞޫމަތް އުފެދިފައިވާ މައްސަލައިގައި ހިމެނޭ ފައިސާއަކީ މެނޭޖްމަންޓް އެގްރީމަންޓްގެ ދަށުން ދައްކާފައިވާ ފައިސާއެއް ކަމުން، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ތެރޭގައި ހިމެނޭ ފައިސާއެއްކަން ދެނެގަނެވޭނީ އަދި އެ މުޢާމަލާތުގެ ޠަބީޢަތު ދެނެގަނެވޭނީ މެނޭޖްމަންޓް އެގްރީމަންޓަށް ރިޢާޔަތްކޮށްގެންކަމަށެވެ.

ހައިކޯޓުގެ އަޣުލަބިއްޔަތު ރައުޔުގައި މެނޭޖްމަންޓް އެގްރީމަންޓުގެ "އެއްވެސް މާއްދާއަކަށް އެއްވެސް މިންވަރަކަށް ރިޢާޔަތްކުރުމެއް ނެތި ޚުޞުމާތު އުފެދިފައިވާ މުޢާމަލާތުގެ ޠަބީޢަތު ދެނެގަންނަން މަސައްކަތްކުރެއްވުމެއް ނެތި މައްސަލަ ނިންމަވާފައިވުމީ ހައިކޯޓުން ބަލަންޖެހޭ އެންމެހާ ބެއްލެވުންތައް ބެއްލެވުމެއް ނެތި ނިންމެވި ނިންމެވުމެއް ކަމަށް އެނިންމެވުން ވެގެންދާ ސަބަބެއް ކަމުގައި" މީރާއިން ދެކޭކަމަށެވެ.

ހައިކޯޓުގެ އަޣުލަބިއްޔަތުގެ ރައުޔުގައި މެނޭޖްމަންޓް އެގްރީމަންޓަށް ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމާފައިވުމަކީ، މަދަނީ މައްސަލަތަކުގައި ޢަމަލުކުރެވޭ އުސޫލުތަކާ ޚިލާފު ނިންމުމެއް ކަމަށްވެސް މީރާއިން ބުނެއެވެ. އަދި ވަކި ކަމެއް ސާބިތުވާކަމުގެ ދަލީލު ޤާއިމްކުރުމުގެ ގޮތުން ޤާނޫނާއި ގަވާއިދު އަދި އިސްލާމީ ޝަރީޢަތުން ހުއްދަކުރާ ވަޞީލަތްތަކަށް ރިޢާޔަތްކުރަންވާނެކަމަށް ކަނޑައަޅާފައިވާ ސުޕްރީމް ކޯޓުގެ 02 (ދޭއް) ޤަޟިއްޔާއެއް ކަމުގައިވާ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް ޤަޟިއްޔާ އަދި އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލްތަކާ ފުށުއަރާކަމަށެވެ.

ސުޕްރީމް ކޯޓުގެ މައިކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް ވ. ރީތިރަށް ރިސޯޓް ޕްރައިވެޓް ލިމިޓެޑް އަށް ބަލާއިރު، މަދަނީ އިލްތިޒާމްތަކުގެ އެންމެ މުހިއްމު އެއް މަޞްދަރަކީ ޢަޤްދު ނުވަތަ ކޮންޓްރެކްޓްކަމަށް ބަޔާން ކޮށްފައިވެއެވެ. އަދި މަދަނީ ދަޢުވާ އެއް ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ކިތާބީ ހެކި ކަމަށާއި މުޢާމަލާތެއްގެ ބައިވެރިންގެ މެދުގައި އެ މުޢާމަލާތެއް ސާބިތުކުރުމަށްޓަކައި ތައްޔާރުކުރެވޭ ކޮންޓްރެކްޓަކީ އޭގައިވާ ސޮޔާއި، އޭގައި ވާރިދުވެގެންވާ ބަޔާންތަކާއި ވަޤާއިޢުތައް ފޯޖް ކޮށްފައިވާކަމަށް ޠަޢުނު ނުކުރެވޭހައި ހިނދަކު އޭގައިވާ ބަޔާންތަކާއި ވަޤާޢިއުތައް ޞައްޙަކަމުގައި ޤާއިމުވާ ޙުއްޖަތެއް ކަމަށް ބަލަންޖެހޭނެކަމަށްވެސް ބަޔާންކުރެއެވެ.

ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާއަށް ބަލާއިރު އެ ޤަޟިއްޔާގައި ބަޔާންކުރަނީ މަދަނީ ޙައްޤުތައް ސާބިތުކުރުމުގައި ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ގަވާދުތަކުގައި ބަޔާންވެގެންވާ ވަސީލަތްތަކުގެ އިތުރުން، އިސްލާމީ ޝަރީޢަތުން ހުއްދަކުރާ އެންމެހައި ވަސީލަތްތަކަށް ދިވެހިރާއްޖޭގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ރިޢާޔަތް ކުރަންވާނެކަމަށެވެ. އަދި މަދަނީ މުޢާމަލާތްތައް ސާބިތުކުރުމުގެ ވަސީލަތްތަކުގެ ތެރެއިން އެންމެ ހަރުދަނާ އެއް ވަސީލަތަކީ ލިޔެފައި ހުންނަ އިންސްޓްރުމަންޓްތައް ކަމަށާއި މިފަދަ އިންސްޓްރުމަންޓްތަކުގެ ތެރެއިން މުޢާމަލާތުގެ ބައިވެރިންގެ މެދުގައި އެ މުޢާމަލާތެއް ސާބިތުކުރުމަށްޓަކައި އެކުލަވާލެވޭ ޚާއްޞަ އިންސްޓްރުމަންޓަކީ ދެވައްތަރެއްގެ ހުއްޖަތް ޤާއިމުކުރެވޭ އެއްޗެއްކަމަށާއި، ފުރަތަމަ ހުއްޖަތަކީ އެ އިންސްޓްރުމަންޓްގައި ސޮއިކުރި ފަރާތުން އިންކާރު ނުކުރާހާހިނދަކު އެ އިންސްޓްރުމަންޓަކީ އޭގައި ސޮއިކޮށްފައިވާ ފަރާތުން ރުހުން ދީފައިވާ އިންސްޓްރުމަންޓެއް ކަމުގައި ޤާއިމުވާ ޙުއްޖަތްކަމާއި، ދެވަނަ ޙުއްޖަތަކީ އެ އިންސްޓްރުމަންޓްގައި ވާރިދުވެފައިވާ ބަޔާންތަކާއި ވަޤާއިޢުތަކަކީ އޭގެ އިދިކޮޅު ސާބިތު ނުކޮށްދެވޭހާ ހިނދަކު ޞައްޙަ ބަޔާންތަކާއި ވަޤާއިޢުތައް ކަމުގައި ޤާއިމުވާ ޙުއްޖަތްކަން އެނގެން އޮންނަކަމެވެ.

މެނޭޖްމަންޓް އެގްރީމަންޓްގެ ޞައްޙަކަމާމެދު އެއްވެސް ޚިލާފެއް އޮތްކަމަކަށް ލަނޑާ ގިރާވަރުގެ ފަރާތުން ޝަރީޢަތުގެ އެއްވެސް މަރުޙަލާއެއްގައި ބުނެފައެއްނުވެއެވެ. ލަނޑާ ގިރާވަރުގެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލްގައިވެސް އަދި ހައިކޯޓުގައިވެސް ބުނަނީ މެނޭޖްމަންޓް އެގްރީމަންޓްގެ 8 ވަނަ މާއްދާގައި ބުނާ ރީއިމްބަރސްމަންޓަކީ ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގޭނެ މާއްދާއެއް ނޫންކަމަށެވެ. އެއީ އެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ބުނާ ފައިސާއަކަށް ނުވާތީއެވެ.

މީރާގެ ފަރާތުން ސުޕްރީމް ކޯޓުގައި ބުނަނީ މެނޭޖްމަންޓް އެގްރީމަންޓަކީ ޞައްޙަ އެއްބަސްވުމެއް ކަމުގައި ބަލައިގެންފައިވާ އެއްބަސްވުމަކަށްވާތީ އެ އެއްބަސްވުމަކީ ހައިކޯޓުން މައްސަލަ ނިންމުމުގައި ކިތާބީ ހެއްކެއްގެ ގޮތުގައި ރިޢާޔަތްކުރެއްވެން ޖެހޭނެ އިންސްޓްރުމަންޓެއްކަމަށެވެ.

ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓަށް ބަލާއިރު، މެނޭޖްމަންޓް އެގްރީމަންޓަށް ހައިކޯޓުން ރިޢާޔަތް ކޮށްފައިވާކަން ވަރަށް ސާފުކޮށް އެނގެއެވެ. މި ގޮތުން އެ ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގައި ތަކުރާރުކޮށް މެނޭޖްމަންޓް އެގްރީމަންޓަށް ޙަވާލާދީފައިވެއެވެ. މެނޭޖްމަންޓް އެގްރީމަންޓްގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނަގަންޖެހޭ ސަބަބުކަމަށް މީރާއިން ބުނާ ސަބަބު ބަޔާންކުރަމުން ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާ ނިމުނުގޮތުގެ ޚުލާޞާ ރިޕޯޓުގެ 18 ވަނަ ޕެރެގްރާފްގައި ބުނަނީ:

"މި މައްސަލައިގައި މީރާގެ ފަރާތުން ބުނަނީ، ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑުން ޒިންމާވާންޖެހޭ އެ ކުންފުނީގެ އަމިއްލަ ޚަރަދުތަކަށް ފޯ ސީޒަންސްގެ ފަރާތުން މެދުވެރިއެއްގެ ޙައިޞިއްޔަތުން ނުވަތަ އެޖެންޓެއްގެ ގޮތުން ހަމަ އެ ޢަދަދުތައް ފަހުން ފޯ ސީޒަންސް އަށް ދައްކާ ގޮތަށް ނުވަތަ ރީ-އިމްބާރސް ކުރާ ގޮތަށް ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑުން ދައްކާ ފައިސާއަށް ވިތުހޯލްޑިންގ ޓެކްސް ދައްކަންޖެހޭނެކަމުގައެވެ. މި ފައިސާއަކީ ރީ-އިމްބާރސްމަންޓްތަކެއްކަމަށް މީރާގެ ފަރާތުން އިންކާރު ނުކުރާކަން އެ ފަރާތުން ޓެކްސް އެޕީލް ޓްރައިބިއުނަލަށް ދީފައިވާ ބަޔާނުގައި ބުނެފައިވެއެވެ. އެހެންނަމަވެސް، މި ފައިސާއަކީ، ރީ-އިމްބާރސްމަންޓްތަކެއް ކަމުގައި ވީނަމަވެސް އެ ފައިސާއިން ވިތުހޯލްޑިންގ ޓެކްސް ނަގާ ގޮތަށް ނިންމަން ޖެހުނު ސަބަބެއްގެ ގޮތުގައި މީރާއިން ބުނަނީ، އިޝާރާތް ކުރެވުނު ރީ-އިމްބާރސް]މަންޓް[އަކީ، މެނޭޖްމަންޓް އެގްރީމެންޓްގެ ދަށުން ދައްކާފައިވާ ފައިސާއެއްކަމުގައިވުމުން، އެ ފައިސާއަކީ، ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 06 ވަނަ މާއްދާގެ (ހ) ގެ ނަންބަރުތަކުގެ ތެރެއިން 04 ވަނަ ނަންބަރުގައި ބުނާ "ހިންގުމުގެ ގޮތުން" ދީފައިވާ ފައިސާއެއް ކަމުގައި ބެލެވެން އޮތުމެވެ."

މިފަދައިންނެވެ.

އަދި ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ 21 ވަނަ ޕެރެގްރާފްގައި މެނޭޖްމަންޓް އެގްރީމަންޓާ ބެހޭގޮތުން ބަޔާންކުރަނީ:

"... އަދި މި މައްސަލައިގައި ޙަވާލާދެވޭ މުޢާމަލާތުގައި ހިމެނޭ ފައިސާ، ބުނެވުނު މާއްދާގެ ތެރެއަށް ފެތޭ ސަބަބަކީ، މި ފައިސާއަކީ، މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުން ދައްކަންޖެހޭ ފައިސާ ކަމަށްވާތީކަމަށް، މީރާގެ ފަރާތުން ބުނާ ބުނުން ފިޔަވައި އެނޫން ސަބަބެއް ބުނެދެވިފައެއް ނުވެއެވެ. މެނޭޖްމަންޓް އެގްރީމަންޓެއްގެ ދަށުންކަމަށް ބުނެ މުޢާމަލާތެއް ހިންގި ނަމަވެސް ނުވަތަ އެ ނޫން ނަމެއްގައި އެގްރީމެންޓެއް ނެތި މުޢާމަލާތެއް ކުރެވިފައި ވީނަމަވެސް ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 06 ވަނަ މާއްދާގެ 04 ވަނަ ނަންބަރުގެ ދަށުން ވިތުހޯލްޑިންގ ޓެކްސް ނެގޭނީ އެ މާއްދާގައި ބުނާ ގޮތަށް މުޢާމަލާތް ކުރެވިފައިވާނަމައެވެ. މީރާގެ ފަރާތުން ޙަވާލާދޭ ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑުގެ މުޢާމަލާތަކީ އެފަދަ މުޢާމަލާތެއްކަން އެނގޭކަށް ނެތެވެ."

މިފަދައިންނެވެ.

ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާގައި، އެ ކޯޓުގެ ފަނޑިޔާރުން، މެނޭޖްމަންޓް އެގްރީމަންޓަށް ފުރިހަމައަށް ރިޢާޔަތް ކޮށްފައިނުވާކަމަށް މީރާއިން ބުނި ނަމަވެސް، މަތީގައި ފާހަގަ ކުރި ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާ ނިމުނުގޮތުގެ ރިޕޯޓުގެ ޕެރެގްރާފް 18 އަދި 21 އަށް އެކަނި ބެލުމުންވެސް މި މައްސަލަ ހައިކޯޓުގައި ބެއްލެވި ފަނޑިޔާރުން މެނޭޖްމަންޓް އެގްރީމަންޓަށް ރިޢާޔަތް ކުރައްވާފައިވާކަން އެނގެއެވެ.

މީރާއިން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ތިންވަނަ ނުކުތާގެ މައްޗަށް ޤާނޫނު ތަޠުބީޤުކުރުން

ދަފްޢު ސާބިތުކުރުމުގެ މިންގަނޑުގެ އާންމު އުސޫލާއި، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 34 ވަނަ މާއްދާ ހައިކޯޓުން ތަޠުބީޤުކޮށްފައި ވަނީ ދަފްޢު ސާބިތުކުރުމުގެ މިންގަނޑާއި ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 34 ވަނަ މާއްދާއާއި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް ކަމަށް މީރާއިން ބުނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 34 ވަނަ މާއްދާއާ ގުޅޭގޮތުން ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާ ނިމުނު ގޮތުގެ ޚުލާޞާ ރިޕޯޓުގެ 24 ވަނަ ޕެރެގްރާފްގައި ބުނަނީ:

"ޓެކްސް އެޕީލް ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅުމަށް ފަހު، ޓެކްސް އެޕީލް ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލައެއްގައި ހެކި ސާބިތުކޮށްދޭންޖެހޭނީ މައްސަލަ ހުށަހަޅާ ފަރާތަކުން ކަމަށް އޮންނަ މާއްދާއެއް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ޤަވާޢިދުގައި އޮވެއެވެ. ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކުގައިވެސް ޢަމަލުކުރެވޭ ގޮތަށް ޢާއްމު އުޞޫލެއްގެ ގޮތުން ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ ދަޢުވާ އުފުލާ ފަރާތުންކަމަށްވީ ނަމަވެސް، ދަޢުވާގެ ދިފާޢުގައި އެއް ޚަޞްމަކު އަނެއް ޚަޞްމަކާ ކުރިމަތިކުރާ ދަފްޢު ސާބިތުކުރުމުގެ ބުރަ އުފުލަންޖެހޭ ފަރާތަކީ އެ ދަފްޢުއެއް ކުރާ ފާރާތަކުންކަން އެނގެއެވެ. މި މައްސަލައިގައި ލަނޑާ ގިރާވަރު ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި މައްސަލައިގައި މީރާގެ ފަރާތުން ވަނީ ދަފްޢުއެއް ކުރިމަތިކޮށްފައެވެ. އެ ދަފްޢު ސާބިތުކުރުމުގެ ބުރައަކީ މީރާގެ ފަރާތުން އުފުލަންޖެހޭ ބުރައެކެވެ. މި މައްސަލަ ޓެކްސް އެޕީލް ޓްރައިބިއުނަލުން ނިމްމެވުމުގައި ފާހަގަކުރެވުނު ނުކުތާތަކުގެ ދެވަނަ ކަންތަކުގައި އެ ބުނަނީ މީރާގެ ފަރާތުން ކުރިމަތިކުރުވި ދަފްޢު މީރާއަށް ސާބިތުކޮށްދެވިފައި ނުވާކަމަށެވެ."

މިފަދައިންނެވެ.

ޢާންމު އުޞޫލެއްގެ ގޮތުގައި މަދަނީ ޚުޞޫމަތްތަކުގައި ޡާބިތުކުރުމުގެ ބުރަ (onus probandi) އުފުލުމަކީ ދަޢުވާކުރާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމާއި، މި މާނައިގައި ދަޢުވާކުރާ ފަރާތަކީ ހަމައެކަނި ދަޢުވާ ކޯޓަށް އުފުލާ ފަރާތް ނޫންކަމާއި، އޭގެ އިތުރުން ދަޢުވާ ރައްދުވާ ފަރާތުން ދަޢުވާގެ ދިފާޢުގައި ކުރާ ދިފާޢީ ދަޢުވާ ސާބިތުކުރުމަކީ އެ ފަރާތުގެ މަސްއޫލިއްޔަތެއްކަމާއި، އެހެންކަމުން ދަޢުވާއެއްގައި އެއް ޚަޞްމު އަނެއް ޚަޞްމާ ކުރިމަތިކުރާ "ދަފްޢު" (plea) ސާބިތުކުރުމުގެ މަސްއޫލިއްޔަތު އުފުލަންޖެހޭ ފަރާތަކީ އެ 'ދަފްޢެއް' ކުރާ ފަރާތްކަން އެނގެން އޮންނަ ކަމަށް ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ނ) ގައި ބަޔާންކޮށްފައިވެއެވެ.

ކޯޓަކަށް ނުވަތަ ޓްރައިބިއުނަލަކަށް ހުށަހެޅޭ މައްސަލަތަކުގައި ދަފްޢުއެއް ކުރިމަތިކުރާ ފަރާތަކުން އެ ދަފްއެއް ސާބިތު ކުރަންޖެހޭނެއެވެ. އަދި ހެއްކެއް ހުށަހަޅާ ފަރާތުން އެ ހެއްކެއް ސާބިތު ކުރަންޖެހޭނެއެވެ. ސާބިތުނުކުރެވޭ ދަފްޢުއެއް ނުވަތަ ހެއްކެއްގެ މައްޗަށް މައްސަލައެއް ސާބިތެއް ނުކުރެވޭނެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 34 ވަނަ މާއްދާ އެ ޓްރައިބިއުނަލުން ތަޠުބީޤުކޮށްފައި ވަނީ އެ މާއްދާގެ ނައްޞާ ޚިލާފަށްކަމަށާއި، އަދި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ދަފްޢު ސާބިތުކުރުމާ ބެހޭގޮތުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށްކަމަށް މީރާއިން ބަޔާންކުރިނަމަވެސް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ގަވާއިދުގެ 34 ވަނަ މާއްދާ ތަޠުބީޤުކުރުމުގައި ހައިކޯޓުން ހެދި ގޯހަކީ ކޮބައިކަމެއް އަދި ސުޕްރީމް ކޯޓުގެ އަޙްމަދު ނާޝިދު ވ. މުޙައްމަދު މުޞްތަފާ ޤަޟިއްޔާގައި ދަފްޢު ސާބިތުކުރުމާ ބެހޭގޮތުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ހައިކޯޓުން ނިންމި ނިންމުގެ ސަބަބުން އުފެދޭ ޤާނޫނީ ބަޙުޘަކީ ކޮބައިކަން އަހުރެންނަށް ސާފުވާވަރަށް މި މައްސަލައިގައި މީރާއަށް ކިޔާދެވިފައެއް ނުވެއެވެ.

އަދި މި މައްސަލައިގައި ހަވާލާދޭ ލަނޑާ ގިރާވަރުގެ ރީއިމްބަރސްމަންޓް ފައިސާއިން ވިތުހޯލްޑިންގ ޓެކްސް ނެގޭނެކަން އަހުރެންނަށް ގަބޫލުކުރޭވޭފަދަ އެކަށީގެންވާ ސަބަބެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި މީރާއަށް ބުނެދެވިފައެއް ނުވެއެވެ.

ނިންމުން

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނެއްގައިވާ ގޮތުގެ މަތިން މެނުވީ ދައުލަތަށް އާމްދަނީއެއް ހޯދުމުގެ އެއްވެސް ޓެކުހެއް ނުނެގޭނެކަން ޤާނޫނުއަސާސީގެ 97 ވަނަ މާއްދާގެ (ށ) އަށް ބެލުމުން ވަރަށް ސާފުކޮށް އެނގެއެވެ. ރައްޔިތުންގެ މަޖިލީހުން ޓެކުހެއް ނަގަން ކަނޑައަޅާނަމަ އެ ކަނޑައެޅި ޤާނޫނުގެ މާއްދާތައް ވަރަށް ސާފުވާންޖެހޭނެއެވެ. ދައުލަތަށް އާމްދަނީ ހޯދުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ނެގުމަށް ކަނޑައަޅާފައިވާ ޓެކުހުގެ އިމުގެ ތެރެއަށް ނުވަންނަ އެއްޗެއް އެ ޤާނޫނުގެ އިމުގެތެރެއަށް ވައްދައި، ޤާނޫނުގެ ޞަރީޙަ ނައްޞަށްވުރެ ފުޅާކޮށް ޤާނޫނެއްގެ މާއްދާތައް މާނަކުރުމަކީ ކުރެވޭނެކަމެއް ނޫނެވެ.

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރުގައި ކަނޑައަޅާފައިވާ ކަނޑައެޅުން ވަރަށް ސާފެވެ. އަދި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ 6 ވަނަ މާއްދާގެ (ހ) ގެ (4) ވަނަ ނަންބަރު މާނަ ކުރުމުގައި މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގެ 3 ވަނަ މާއްދާ ޓެކްސް އެޕީލް ޓްރައިބިއުނަލުންވެސް އަދި ހައިކޯޓުން ވެސް ތަޠުބީޤުކޮށްފައި ވަނީ ރަނގަޅަށް ކަމުގައި އަހުރެން ދެކެމެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު

މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ނަންބަރު TAT-CA-W/2015/002 ނިންމުމަށް ތާއީދުކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ އުސޫލަކާ ޚިލާފަށް ކަމަށް ބެލެވޭނެ ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2017/HC-A/374 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމް ރަނގަޅު ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުއަޙްމަދު މުޢުތަޞިމް ޢަދުނާންމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ