މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. (ނަން އުނިކުރެވިފަ)
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
2017/SC-A/06
ޝަރީޢަތް ނިމުނުގޮތް
މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. (ނަން އުނިކުރެވިފައި)
ފަނޑިޔާރުންގެ މަޖިލިސް
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުނިމުނު ތާރީޚު
08 ސެޕްޓެމްބަރ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
2014/HC-A/21
އިސްތިއުނާފު ރައްދުވާ ފަރާތް
އިސްތިއުނާފުކުރާ ފަރާތް
(ނަން އުނިކުރެވިފަ) މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް، ރަޖިސްޓްރީ ނަންބަރު C-0166/2010 ބަދަލުގައި: އުސާމާ މޫސާ، އިކުއިޓީ ޗެމްބަރ ބަދަލުގައި: އިސްމާޢީލް ވިޝާމް، ވިޝާމް، ޒާހިރު އެންޑް ކޯޤާނޫނީ ވަކީލު: ޢަބްދުﷲ ސިޔާޒް، އިކުއިޓީ ޗެމްބަރ
ވަޒީފާއާބެހޭ – ވަޒީފާއިން ވަކިކުރުމާ ގުޅިގެން ބަދަލު ނަގައިދިނުން – ޢަދުލުވެރި ބަދަލު – ބަދަލުގެ މިންވަރު ކަނޑައެޅުން
މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް ވ. (ނަން އުނިކުރެވިފަ)
އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތަޢާރުފު
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/21 ޤަޟިއްޔާ ނިންމާފައިވާގޮތް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅުނޫން ކަމަށް ބުނެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި، މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން: "މެގަ ގްލޯބަލް" ނުވަތަ "އިސްތިއުނާފުކުރާ ފަރާތް") ގެ ފަރާތުން އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ޤަޟިއްޔާއެވެ. މި މައްސަލައިގައި ވަޒީފާ އަދާކުރި ފަރާތަކީ (ނަމާއި އެޑްރެސް އަދިރަށް އުނިކުރެވިފަ) (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު: (އައިޑީކާޑު ނަންބަރު އުނިކުރެވިފަ) (މީގެ ފަހުން: "(ނަން އުނިކުރެވިފަ)" ނުވަތަ "ވަޒީފާ އަދާކުރި ފަރާތް") އެވެ.
މައްސަލައިގައި ކަންހިނގާފައިވާގޮތް
މެގަ ގްލޯބަލް އާއި (އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާދެމެދު 23 އޮކްޓޫބަރ 2010 ވަނަ ދުވަހު ވަޒީފާގެ އެއްބަސްވުމެއް ވެފައިވެއެވެ.
ފްލައިޓް އެޓެންޑެންޓެއްގެ ވަޒީފާގެ މި އެއްބަސްވުމުގެ މުއްދަތަކީ 28 ސެޕްޓެންބަރ 2010 އިން ފެށިގެން ދެ އަހަރު ދުވަހެވެ.
2012 ޖޫން މަހު ވަޒީފާ އަދާކުރި ފަރާތަކީ އެޗް.އައި.ވީ ޕޮޒިޓިވް މީހެއްކަން މެގަ ގްލޯބަލްއަށް އެންގި ހިސާބުން ފެށިގެން (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ފްލައިޓަށް އަރުވާފައި ނުވާ ކަމަށްވެއެވެ.
އިކްއޯ އިންޓަރނޭޝަނަލް ސިވިލް އޭވިއޭޝަން (echo international civil aviation) ގެ ޕައިލެޓުންނަށް ޚާއްޞަ މިންގަނޑުން (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތު[ ގެ މެޑިކަލް ހެދުމުން (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އެ މެޑިކަލްއިން ފާސްވެފައިވާ ކަމަށް ބަޔާންކުރާ ސެޓްފިކެޓެއް 18 އޮގަސްޓު 2012 ގައި ލިބިފައިވާ ކަމަށްވެއެވެ.
މެގަ ގްލޯބަލް އާއި (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާ ދެމެދު 28 ސެޕްޓެންބަރ 2010 އިން ފެށިގެން ދެ އަހަރު ދުވަހުގެ މުއްދަތަށް، 23 އޮކްޓޯބަރ 2010 ގައި ސޮއިކުރި އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތު، 28 ސެޕްޓެންބަރ 2012 އަށް ހަމަވުމާގުޅިގެން ދެފަރާތުގެ ދެމެދު ވެވިފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު 1 މަސް ދުވަހަށް އިތުރުކޮށް 29 ސެޕްޓެންބަރު 2012 ގައި އިތުރު އެއްބަސްވުމެއްގައި ސޮއިކުރެވިފައިވެއެވެ.
މި މައްސަލައިގައި ވަޒީފާގެ އެއްބަސްވުން އައުކޮށްދިނުމަށް އެދުނު ނަމަވެސް އެކަން އެގޮތަށް ހަމަޖެހިފައެއް ނުވެއެވެ.
މެގަ ގްލޯބަލް އިން 07 ނޮވެންބަރ 2012 ގައި (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަށް ދީފައިވާ “Re: End of Contract” ލިޔުމުން، (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ 28 ސެޕްޓެންބަރު 2010 އިން ފެށިގެން 31 އޮކްޓޫބަރ 2012 ގެ ނިޔަލަށް ވަޒީފާގައި ދެމިހުރެފައި ވާކަން އެނގެއެވެ.
(ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާއެކު ވި އެއްބަސްވުން އައު ނުކުރުމަށް މެގަ ގްލޯބަލް އިން ނިންމިއިރު، (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާއެކު އެއްމަޤާމެއްގައި ވަޒީފާ އަދާކުރަމުންދިޔަ އެހެން މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން 03 އަހަރު ދުވަހުގެ މުއްދަތަށް އިތުރުކޮށްދީފައި ވާކަމަށްވެއެވެ.
28 ސެޕްޓެމްބަރު 2010 އިން ފެށިގެން (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[، މެގަ ގްލޯބަލްގެ "ފްލައިޓް އެޓެންޑެންޓެއް" ގެ ވަޒީފާ އަދާކުރަމުން ގެންދާތާ 2 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވަނިކޮށް، (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާއި މެގަ ގްލޯބަލްއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުން އައުކުރުމަކާނުލައި ވަޒީފާއިން ވަކިކޮށްފައިވަނީ (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ގެ ގައިގައި ހުރި ބައްޔެއްގެ ސަބަބުން ކަމަށް ދެކޭތީ، ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުން އައުކޮށް ނުދިނުމުގައި (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާމެދު ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ތަފާތުކޮށްފައިވާކަމަށް ބުނެ، (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ހުރި ވަޒީފާއަށް ރުޖޫޢަކޮށްދިނުމުގެ އަމުރެއް ނެރެދިނުމަށް އެދި މެގަ ގްލޯބަލްގެ މައްޗަށް ރައްދުވާގޮތަށް 2013 ޖަނަވަރީ 31 ވަނަ ދުވަހު ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅިއެވެ.
ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމި ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލައިގައި، ދެފަރާތުގެ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވުމުން (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާ އެއްވަޒީފާއެއްގައި ތިބި އެހެން މުވައްޒަފުންނަށް ވަޒީފާގެ އެއްބަސްވުން އައުކޮށްދިން ފަދައިން (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ގެ ވަޒީފާގެ އެއްބަސްވުން އައުކޮށްދީފައި ނުވަނީ އޭނާގައި ހުރި ބައްޔެއްގެ ސަބަބުންކަން އެނގެން އޮންނާތީއާއި، އޭނާއާމެދު އެ ތަފާތުކުރުން މެގަ ގްލޯބަލް އިން ގެނައީ ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފުނުވާ ގޮތެއްގެމަތީން، އެކަށީގެންވާ ސަބަބެއްގެ މައްޗަށް ބިނާކޮށްކަން މެގަ ގްލޯބަލް އިން ސާބިތުކޮށްދީފައިނުވާތީ، ވަޒީފާގެ އެއްބަސްވުން އައުކޮށް ނުދިނުމުގައި މެގަ ގްލޯބަލް އިން ވަޒީފާއާބެހޭ ޤާނޫނު ގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ތަފާތު ނުކުރުމުގެ އަސާސީ އުޞޫލާ ޚިލާފުވެފައިވާކަމަށް މައްސަލަ ބެލި މަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން ކަނޑައަޅާފައިވެއެވެ.
އަދި ވަޒީފާއާބެހޭ ޤާނޫނުގެ 5 ވަނަ މާއްދާގެ (ނ) އަށް ރިޢާޔަތްކޮށް، (ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް) މައްސަލަ ހުށަހެޅި، (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާ އެއް މަޤާމުގައި ތިބި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އައުކޮށްދިން މުއްދަތަށް މައްސަލަ ހުށަހެޅި ފަރާތުގެ ވަޒީފާގެ އެއްބަސްވުން އައުކޮށްދީ، އޭނާ އަދާކުރަމުން ދިޔަ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިހުރެވޭނޭ އިންތިޒާމު ހަމަޖައްސައި ދިނުމަށް ނުވަތަ، އޭނާއާ އެއް މަޤާމެއްގައި ތިބި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އައުކޮށްދިން މުއްދަތުގައި މައްސަލަ ހުށަހެޅި ފަރާތް އެ ވަޒީފާގައި ދެމިހުރިނަމަ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބޭނޭ އެންމެހާ ފައިސާ، ބަދަލުގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތަށް 6 އޮކްޓޫބަރު 2013 އިން (މައްސަލަ ނިންމި ދުވަހުން) ފެށިގެން 15 ދުވަހުގެ ތެރޭގައި ދިނުމަށްފަހު އެކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ލިޔުމުން އެންގުމަށާއި މުވައްޒަފުންގެ ވަޒީފާގެ ކަންކަމުގައި ވަޒީފާއާބެހޭ ޤާނޫނު އާ ޚިލާފުނުވާ ގޮތުގެމަތީން ޢަމަލުކުރަމުން ގެންދިއުމަށް ވަޒީފާއާބެހޭ އެ މައްސަލަ ރައްދުވި މެގަ ގްލޯބަލްއަށް އަންގައި އެ ކުންފުނީ ގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައިވެއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވާ ގޮތް
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުމަށް ބަދަލުގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ހައިކޯޓުގެ ނަންބަރު 2014/HC-A/21 ޤަޟިއްޔާގައި ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފައިވެއެވެ. މި މައްސަލައިގައި ހައިކޯޓުން ޙުކުމްކޮށްފައިވަނީ 24 ޖުލައި 2016 ގައެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލަ އެ ޓްރައިބިއުނަލުން ބަލައި ނިންމާފައި ވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ، ދިވެހިރާއްޖޭގެ ހައިކޯޓަށް 03 (ތިނެއް) ނުކުތާއެއް މެގަ ގްލޯބަލް އިން ހުށަހެޅިއެވެ. އެއީ:
އެ ކުންފުންޏަކީ ވައިގެ ދަތުރުފަތުރު ކުރާ ކުންފުންޏެއްކަމުން، ދިވެހިރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ޤާނޫނާއި ޤަވާޢިދަށާ އަދި ކުންފުނިން ވައިގެ ދަތުރުފަތުރުކުރާ ޤައުމުތަކުގެ ޤާނޫނާއި ޤަވާޢިދަށް ޢަމަލުކުރަން ޖެހޭކަމަށް ފާހަގަކޮށްފައިވާ ނުކުތާއަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާ އާއި؛
(ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ހުށަހަޅާފައިވާ Hoffman v South African Airways (CCT17/00) “2000” މައްސަލައިގައި ޙުކުމް ކުރެވުނު ނުކުތާތަކަށް ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަ ކުރި ނުކުތާއާއި؛
ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބައިވެރިވެފައިވާ މުޢާހަދާތަކަށް ރިޢާޔަތްކޮށްފައިނުވާ ކަމަށް ބުނެ ފާހަގަކުރި ނުކުތާއެވެ.
އިސްތިއުނާފުކުރެވޭ ޤަޟިއްޔާ ނިންމަމުން ދިވެހިރާއްޖޭގެ ހައިކޯޓުން އަންނަނިވި ކަންކަން ފާހަގަކޮށްފައިވެއެވެ.
ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައި ތަފާތު ނުކުރެވޭނެ އަސާސެއް ކަމުގައި މީހެއްގެ ހުރި ބައްޔެއް ނުހިމެނުނު ކަމުގައިވިޔަސް، ދިވެހިރާއްޖެ އެ ޖަމްޢިއްޔާގެ މެންބަރަކަށް ވެފައިވާ އިންޓަރނޭޝަނަލް ލޭބަރ އޮގަނައިޒޭޝަން (އައި.އެލް.އޯ) ގެ (An ILO code of practice on HIV/AIDS and the world of work 2001) ގައި އެޗް.އައި.ވީ ސްޓޭޓަސް އަކީ ތަފާތުނުކުރެވޭނެ އެއް އަސާސްކަމަށް ބަޔާންކޮށްފައިވާ ކަމާ، އަދި އެހެންމެ، އައި.އެލް.އޯގެ (Recommendation concerning HIV and AIDS and the world of work 2010 (Recommendation 200) ގެ 3 ވަނަ ނަންބަރުގައިވާ "ޖެނެރަލް ޕްރިންސިޕަލްސް" އަށް ނަޒަރުކުރުމުންވެސް އެޗް.އައި.ވީ ޕޮޒިޓިވް މީހަކަށް ވީތީ އެއްވެސް ގޮތަކުން ތަފާތުކޮށްގެން ނުވާނެކަމަށް ބަޔާންކޮށްފައިވާކަން.
ދިވެހިރާއްޖޭގައި ކެބިން ކްރޫގެ ކަންކަން ރެގިއުލޭޓްކުރުމުގެ ޤަވާޢިދު (އޯ.ޕީ.އެސް 11) ގައި ކެބިންކްރޫއެއްގެ އަތުގައި އޮންނަންޖެހޭ މެޑިކަލް ސެޓްފިކެޓަކީ ކްލާސް 3 ގެ މެޑިކަލް ސެޓްފިކެޓެއް ކަން އެ ޤަވާޢިދުގެ 4.4 ވަނަ މާއްދާގައި ފާހަގަކޮށްފައިވާކަމާއި، ވައިގެ ދަތުރުފަތުރުކުރާ ފަރާތްތަކުގެ މެޑިކަލް ހެދުމުގައި ޢަމަލުކުރަންޖެހޭނީ މެނުއަލް އޮފް ސިވިލް އޭވިއޭޝަން މެޑިސިންގައިވާ ގޮތަށްކަމާއި، 18 އޮގަސްޓު 2012 ގައި ވަޒީފާ އަދާކުރި ފަރާތް މެޑިކަލް އިން ފާސްވެފައިވާކަން އަންގައި ކްލާސް 3 ގެ މެޑިކަލް ސެޓްފިކެޓެއް ދޫކޮށްފައިވާކަން އެނގެން އޮންނަކަން.
މެނުއަލް އޮފް ސިވިލް އޭވިއޭޝަން މެޑިސިންގެ ޗެޕްޓަރ 13 ގެ 13.7.13 ގައި "އެޗް.އައި.ވީ ޖެހިފައި ހުރި ކޮންމެ މީހަކީ ފިޓް މީހެއް ނޫންކަމަށާއި، ނަމަވެސް ބައެއް މީހުންނަކީ ފިޓް މީހުންކަމަށް ބަޔާންކޮށްފައިވާއިރު،" ހަމަ އެ ޗެޕްޓަރގެ 13.1.2 ގެ ދަށުން ގެނެސްފައިވާ ނޯޓް 1 ގައި ބަލީގެ ކުރީކޮޅުގައި އެންޓިރެޓްރޯވައިރަލް ތެރަޕީ ނެގުމުން، މެޑިކަލް އެސެސްމަންޓް ހަދާއިރު ފިޓްވުމުގެ ޗާންސް އިތުރުވާނެކަމަށް ބަޔާންކޮށްފައި ވާކަމާއި، ވަޒީފާ އަދާކުރި ފަރާތަކީ އެންޓިރެޓްރޯވައިރަލް ތެރަޕީ އާއި މެޑިކޭޝަން ނަގަމުންދާ ފަރާތެއް ކަމަށާއި އޭނާގެ ވައިރަލް ލޯޑް މިހާރު "އަންޑިޓެކްޓަބަލް" ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި ވަޒީފާ އަދާކުރި ފަރާތުން ބުނެފައިވާއިރު، އެކަމާގުޅޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާކަމަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވީނަމަވެސް އެކަމާ ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި އިސްތިއުނާފުކުރާ ފަރާތުން އެއްވެސް ވާހަކައެއް ދައްކާފައިނުވާކަމާއި، އިސްވެ އިޝާރާތްކުރެވުނު ކަންކަމާގުޅޭ ލިޔުންތައް ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހަޅާފައިނުވިނަމަވެސް، ވަޒީފާ އަދާކުރި ފަރާތް މެޑިކަލް އިން ފާސްވެފައިވާކަން އެނގެން އޮތުމާއެކު އޭނާއަކީ ވަޒީފާ އަދާކުރުމަށް އެކަށޭނަ މީހެއްކަމަށް ބެލެވޭކަން.
އައި.އެލް.އޯގެ ކޯޑް އޮފް ޕްރެކްޓިސް އޮން އެޗް.އައި.ވީ / އެއިޑްސް އެންޑް ދަ ވަރލްޑް އޮފް ވަރކް 2001 އެޕެންޑިކްސް 1 ގައި އެޗް.އައި.ވީ ޖެހެނީ ހަށިގަނޑުގައި ހުންނަ ދިޔައިންކަމާއި ޚާއްޞަ ގޮތެއްގައި ލެޔާއި ސީމަން އާއި ވެޖައިނަލް ސެކްރީޝަންސް އަދި ގާތުންދޭ ކިރުންކަމަށާއި، ކެޝުއަލް ފިޒިކަލް ކޮންޓެކްޓުންނާއި، ކެއްސުމުންނާއި، ކިނބިހިއެޅުމާއި، ފާޚާނާ ބޭނުންކުރުމާއި، ކެއުން ބުއިމަށް ބޭނުންކުރާ ތަށިފަދަ ތަކެތި ބޭނުން ކުރުމުންނާއި، އެޗް.އައި.ވީ ޕޮޒިޓިވް މީހެއް ގެންގުޅޭ ކާބޯތަކެތި ކެއުމުންނާއި، މަދިރި ހެފުމުން އެޗް.އައި.ވީ ނުފެތުރޭކަމަށް ބަޔާންކޮށްފައިވާކަމާއި، އެހެންކަމުން އެޗް.އައި.ވީ އަކީ "އިންފެކްޝަސް ޑިޒީޒް" އެއް ނަމަވެސް އެއީ ވަކި ޚާއްޞަ ގޮތްތަކަކުން ޖެހޭ ބައްޔެއްކަން އެނގޭކަމަށާއި، ވަޒީފާ އަދާކުރި ފަރާތް އާދައިގެ މަތިން އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތައް
އަދާކުރުމުގައި އެއްވެސް މީހަކަށް ނުރައްކަލެއް ނެތްކަމަށް ބަޔާންކޮށްދޭ މެޑިކަލް ޑޮކްޓަރެއްގެ ލިޔުމެއް ހުށަހަޅާފައިވާކަމުން ވަޒީފާ ދިން ފަރާތުގެ ބަލި އޭނާގެ ފަރާތުން އެހެން މީހަކަށް އަރާފާނެކަމުގެ ފުރުޞަތު އޮތްކަމަށް ނުބެލެވޭކަން.
އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ މައިގަނޑު އެއް ސަބަބު ކަމުގައިވާ ވަޒީފާ އަދާކުރި ފަރާތަކީ އެޗް.އައި.ވީ ޕޮޒިޓިވް މީހެއް ކަމަށްވާތީ، އިސްތިއުނާފުކުރާ ފަރާތުގެ ކުންފުނިން ދަތުރުކުރާ މައިގަނޑު މަންޒިލް ކަމުގައިވާ ޗައިނާއަށް ދިޔުމުގައި ބޭނުންވާ ކްރޫ ވިސާ ވަޒީފާ އަދާކުރި ފަރާތަށް ނުލިބޭ ކަމަށާއި ގައިންގަޔަށް އަރާ ނުރައްކާތެރި ބައްޔެއް ކްރޫއެއްގެ ގައިގައި ހުރިނަމަ، އެ ކްރޫއަކަށް ވިސާ ނުލިބޭކަމަށާއި، ގައިން ގަޔަށް އަރާ ނުރައްކާތެރި ބަލިތަކުގެ ތެރޭގައި އެޗް.އައި.ވީ ވެސް ހިމެނިފައިވާކަމަށް އިސްތިއުނާފު ކުރާ ފަރާތުން ފާހަގަކޮށްފައިވާކަމާއި، ނަމަވެސް އިސްތިއުނާފުކުރާ ފަރާތުން ހަމައެކަނި ދަތުރުކުރަނީ ޗައިނާއަށް ނޫންކަމާއި އޭގެ އިތުރުން ހޮންގކޮންގ އާއި ކޮރެއާއަށްވެސް ދަތުރުކުރާކަމަށާއި، މި މަންޒިލްތަކަށް ދަތުރުކުރުމުގައި ކްރޫ ވިސާ ބޭނުންނުވާކަމަށް ދެފަރާތުންވެސް ފާހަގަކޮށްފައިވާއިރު، އިސްތިއުނާފުކުރާ ފަރާތުން ހަމައެކަނި ހޮންގކޮންގއަށް ދަތުރުކުރާ ކްރޫއެއް ވަޒީފާގައި ބަހައްޓާފައިވާކަން ވަޒީފާ އަދާކުރި ފަރާތުންނާއި އިސްތިއުނާފުކުރާ ފަރާތުންވެސް ބުނެފައިވާކަން ފާހަގަކުރެވެން އޮތުމުން، ވަޒީފާ އަދާކުރި ފަރާތަކީ އެޗް.އައި.ވީ ޕޮޒިޓިވް މީހަކަށްވުމަކީ އެފަރާތުގެ ވަޒީފާގެ އެއްބަސްވުން އައުނުކުރުމަށް އޮތް މަޤުބޫލު އެކަށީގެންވާ ސަބަބެއް ކަމުގައި ބެލެވެން ނެތްކަން.
(ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އަލުން އަނބުރާ ވަޒީފާއަށް ދާން ބޭނުންނުވާކަމާއި، ނަމަވެސް (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާ އެއް މަޤާމެއްގައި ތިބި މެގަ ގްލޯބަލްގެ މުވައްޒަފުންގެ ތެރެއިން ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ނިމުމަކަށް އައިސްފައިވާ އެހެން މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން 03 އަހަރު ދުވަހަށް އައު ކޮށްދީފައިވާތީ، އެ 03 އަހަރު ދުވަހަކީ ވަޒީފާ އަދާކުރި ފަރާތާމެދު ތަފާތު ނުކުރިނަމަ ވަޒީފާގައި އުޅޭނެ 03 އަހަރު ދުވަސް ކަމުން އެ 03 އަހަރު ދުވަހަށްވާ މުސާރައާއި ސަރވިސް އެލަވަންސް ނަގައިދިނުމަށް އެދިފައިވާ ކަމާއި، (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަށް ވަޒީފާގެ އެއްބަސްވުން އައުކޮށްދީފައިނުވާ ސަބަބަކީ ޤާނޫނީ ގޮތުން އެކަށީގެންވާ މަޤުބޫލު ސަބަބެއް ކަމުގައި ނުވާތީ، ވަޒީފާ އަދާކުރި ފަރާތަށް ލިބިދެވޭނެ ޤާނޫނީ ޙައްލެއްގެ ގޮތުގައި ޢަދުލުވެރި ބަދަލެއްގެ ގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލައިގައި ނަގައިދިނުމަށް ކަނޑައަޅާފައިވާ (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާ އެއްމަޤާމެއްގައި ތިބި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އައުކޮށްދިން މުއްދަތުގައި (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ދެމިހުރިނަމަ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބޭނެ އެންމެހައި ފައިސާ، ބަދަލުގެ ގޮތުގައި ވަޒީފާ އަދާކުރި ފަރާތަށް ލިބިދޭން ޖެހޭ ކަން.
ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރެވުނު ނުކުތާއާއި އެ ނުކުތާއަށް ދީފައިވާ ރައްދު
މި މައްސަލައިގައި ދަށުކޯޓާއި ދިވެހިރާއްޖޭގެ ހައިކޯޓުން ކޮށްފައިވާ ޙުކުމް ޝަރުޢީ އަދި ޤާނޫނީ ގޮތުން ރަނގަޅު ނޫންކަމަށް ބުނެ މެގަ ގްލޯބަލް އިން ސުޕްރީމް ކޯޓުގައި މައިގަނޑު 01 (އެކެއް) ނުކުތާ ފާހަގަކޮށްފައިވެއެވެ. އެއީ؛ ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ރ) ގެ ދަށުން މުވައްޒަފުންނަށް ބަދަލު ލިބިދިނުމުގެ އަމުރެއް ނެރުމުގައި، ބަދަލުދޭންޖެހޭ މިންވަރު ކަނޑައަޅާނީ އެކަށީގެންވާކަމަށް އަދި ޢަދުލުވެރިކަމަށް ޓްރައިބިއުނަލްއަށް ފެންނަ ޢަދަދަކަށް ކަމަށް ބަޔާންކޮށްފައިވާކަމާ އަދި ހަމައެހެންމެ، މިފަދައިން މި އަދަދު ކަނޑައެޅުމުގައި، ވަޒީފާއިން ވަކިކުރުމުގައި ވަޒީފާދޭ ފަރާތުން ޢަމަލުކުރިގޮތުން އެ މުވައްޒަފަކަށް ސީދާގޮތުން ލިބުނު ގެއްލުމަށާއި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ދިމާވީ މުވައްޒަފު ކުރި ޢަމަލެއްގެ ސަބަބުންކަމަށްވާނަމަ، އެކަމުގައި އޭނާ ބައިވެރިވެފައިވާ މިންވަރަށް ރިޢާޔަތްކުރަންވާނެކަމަށް ބަޔާންކޮށްފައިވާއިރު، އިސްތިއުނާފުކުރަން ހުށަހަޅާފައިވާ މައްސަލައިގައި (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަށް ލިބިދިނުމަށް އަމުރުކޮށް ފައިވާ 03 އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތްތަކަކީ ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާފަދަ އެކަށީގެންވާ އަދި ޢަދުލުވެރި ބަދަލެއްނޫންކަން އަންނަނިވި ސަބަބުތަކަށްޓަކައި ބެލެވޭ ކަމަށްބުނެ ފާހަގަކޮށްފައިވާ ނުކުތާއެވެ. އެ ސަބަބު ތަކަކީ؛
(ހ) މިފަދަ މައްސަލަތަކާ ގުޅިގެން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި މީގެކުރިން ކޯޓުތަކުން ނިންމަވާފައިވާ ނިންމެވުންތަކާ ޚިލާފަށް މައްސަލަ ނިންމާފައިވުން.
(ށ) މިފަދަ މައްސަލަތަކުގައި މުވައްޒަފަކަށް ބަދަލު ނަގައިދިނުމުގައި މައްސަލައިގައި ހިމެނޭ މުވައްޒަފެއްގެ މިހާރުގެ ޙާލަތަށް ބަލަންޖެހޭނެކަމަށް ހައިކޯޓުގެ ނަންބަރު 2013/HC-A/139 ޤަޟިއްޔާގައި ކަނޑައަޅާފައިވާއިރު، ވަޒީފާ އަދާކުރި ފަރާތުގެ ޙާލަތަށް ރިޢާޔަތްކޮށްފައިނުވުން.
(ނ) މުވައްޒަފަކަށް ނަގައިދެވޭނެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ރިޢާޔަތް ކުރަންޖެހޭކަމަށް ހައިކޯޓުގެ ނަންބަރު 2014/HC-A/137 ޤަޟިއްޔާގައި ބަޔާންކޮށްފައިވާ ކަންކަމަށް ރިޢާޔަތްކުރުމަކާ ނުލައި މައްސަލަ ނިންމާފައިވުން.
(ރ) މިފަދަ މައްސަލަތަކުގައި މުވައްޒަފަށް ނަގައިދެވޭނެ ބަދަލު އެއީ ޢަދުލުވެރި ބަދަލަކަށް ވާންޖެހޭނެ ކަމަށް ހައިކޯޓުގެ ނަންބަރު2013/HC-A/142 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވުން.
މެގަ ގްލޯބަލްގެ ފަރާތުން ހުށަހެޅި އިސްތިއުނާފު ނުކުތާތަކާ ގުޅިގެން (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ލިޔުމުން ޖަވާބުދާރީވުމަށް ދެވުނު މުއްދަތުގައި ލިޔުމުން ޖަވާބު ހުށަހަޅާފައެއް ނުވެއެވެ. އެހެންނަމަވެސް، މި މައްސަލައިގައި ހުށަހެޅުނު އިސްތިއުނާފު ފޯމުގައި ހުށަހެޅިފައިވާ ނުކުތާއާ ގުޅިގެން އެކަށީގެންވާ ގޮތެއްގައި ވާހަކަ ދެއްކުމުގެ ފުރުސަތު (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަށް ލިބިދެވުނެވެ. މިގޮތުން، މެގަ ގްލޯބަލް އިން ހުށަހެޅި އިސްތިއުނާފު ނުކުތާ އާ ގުޅިގެން ބަދަލު ނަގައި ދިނުމުގައި ވަކި މިންވަރެއް ކަނޑައެޅިދާނެތޯ ޝަރީޢަތުން ކުރެވުނު ސުވާލާ ގުޅިގެން (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތުން[ ބުނެފައިވަނީ މި މައްސަލައިގައި 03 (ތިނެއް) އަހަރު ދުވަހުގެ ބަދަލެއް ކަނޑައެޅިފައިވާތީ، އެ ޢަދަދު ލިމިޓްކުރެވިދާނެ ކަމަށް (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތުން[ ނުދެކޭ ކަމަށެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ނުކުތާ
(ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައިވެސް އަދި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައިވެސް އަލުން އަނބުރާ ވަޒީފާއަށް ދާން ބޭނުންނުވާ ކަމަށް ބުނެފައިވާތީ، މެގަ ގްލޯބަލްއާއި (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާދެމެދު ޚުޞޫމަތެއް އުފެދިފައިވާ ނުކުތާއަކީ، (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާތީވެ، އެކަމުގެ ސަބަބުން (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަށް ލިބިދޭންޖެހޭ ގެއްލުމުގެ ބަދަލުގެ މިންވަރާ ގުޅޭގޮތުން ފާހަގަކުރި ނުކުތާއެވެ.
ބަދަލުގެ މިންވަރު ކަނޑައެޅުން
އިސްތިއުނާފު ކުރެވޭ މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލަ އިން އެ ޓްރައިބިއުނަލްގައި ބަލަމުން ދަނިކޮށް، 06 އޮގަސްޓް 2013 ގައި ބޭއްވުނު މައްސަލައިގެ 7 (ހަތެއް) ވަނަ އަޑުއެހުމުގައި (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަލުން އަނބުރާ އެ ވަޒީފާއަށްދާން ބޭނުން ނުވާކަމަށާއި އެފަރާތުން ބޭނުންވަނީ ބަދަލުގެ ގޮތުގައި 03 (ތިނެއް) އަހަރު ދުވަހަށް އޭނާ ވަޒީފާގައި ދެމިހުރިނަމަ މުސާރައާއި ޢިނާޔަތުގެ ގޮތުގައި ލިބޭނޭ ފައިސާކަމަށް ބުނެފައިވެއެވެ. އަދި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ އެ އެޑުއެހުމަކީ މެގަ ގްލޯބަލް ހާޒިރު ވެފައިވާ އަޑުއެހުމަކަށް ނުވާތީ، (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ގެ އެ ހުށަހެޅުމާ ގުޅޭގޮތުން މެގަ ގްލޯބަލްއިން ދެކޭގޮތް ސާފުވެފައިނުވާކަމަށް ވަޒީފާއާ ބެހޭ ޓްރައިބިއުނަލްއިން މައްސަލަ ނިންމުމުގައި ފާހަގަކޮށްފައިވާ ނުކުތާތަކުގެ 1.34 ގައި ބަޔާންކޮށްފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލައިގައި ބަދަލު ނަގައިދިނުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތް ކުރަންޖެހޭކަމަށް ދެކޭކަން ފާހަގަކޮށް އެ ކަންތައްތަކުގެ ތެރޭގައި؛
"(ހ) މައްސަލަ ހުށަހެޅި ފަރާތަށް ބަދަލުގެ ގޮތުގައި އޭނާ 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ވަޒީފާގައި ދެމިހުރިނަމަ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭނޭ ފައިސާ ނަގައިދިނުމަށް އެދިފައިވުން؛
(ށ) ވަޒީފާއާ ގުޅުމުގެ އިޚްތިޔާރު މައްސަލަ ހުށަހެޅި ފަރާތަށް އޮއްވާ އެ އިޚްތިޔާރު އޭނާ ދޫކޮށްލާނަމަ، ވަޒީފާ އަދާނުކޮށް 3 (ތިނެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ ފައިސާ ނަގައިދިނުމަކީ އިންސާފުވެރި ގޮތެއްކަމަށް ނުފެންނަކަން؛
(ނ) ބަދަލުގެ ގޮތުގައި ފައިސާ ނަގައިދިނުމުގައި އެހެން ވަޒީފާއެއް ހޯދުމަށް ހޭދަވާނޭ އެކަށީގެންވާ މުއްދަތަކާއި، ވަޒީފާއިން ވަކިކުރި ތާރީޚާއި މައްސަލަ ނިމުނު ތާރީޚަށް ރިޢާޔަތްކުރުން؛
(ރ) މައްސަލަ ހުށަހެޅި ފަރާތަށް އިތުރު ވަޒީފާއެއް ލިބިފައިވާކަން އޭނާގެ ބަހުން އެނގެން އޮތުން." މިފަދައިން ބަޔާންކޮށްފައިވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލައިގައި ބަދަލު ނަގައިދިނުމުގައި ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާކުރުމަށްފަހު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ބުނެވުނު މައްސަލައިގައި އެ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅި ވަޒީފާ އަދާކުރި ފަރާތަށް ބަދަލުދޭނަމަ، ބަދަލުގެ ގޮތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރައިގެ ގޮތުގައި ލިބެމުންދިޔަ އަދަދު ނަގައިދިނުމަށް ކަނޑައަޅައި އެ މައްސަލަ ރައްދުވި، މެގަ ގްލޯބަލް ގެ ޣައިރު ހާޒިރުގައި އެ މައްސަލަ ނިންމަން ފެންނަކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލައިގެ ފާހަގަ ކުރެވުނު ނުކުތާތަކުގެ 1.36 ގައި ބަޔާންކޮށްފައިވެއެވެ.
އެހެންކަމުން، މައްސަލަ ޓްރައިބިއުނަލް އަށް ހުށަހެޅި (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަށް ވަޒީފާއާ ގުޅުމުގެ ފުރުސަތު އޮއްވާ، އެ ފުރުސަތު ދޫކޮށްލައި، އަދި އެހެން ތަނެއްގައި ވަޒީފާ އަދާކުރަމުން ގެންދަމުން، 03 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ކުރިން ހުރި ވަޒީފާގައި ދެމިހުރިނަމަ، ލިބޭނެ މުސާރައާއި އިނާޔަތް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުން އެއީ އެންމެ އިންސާފުވެރިގޮތް ނޫންކަމަށް، މި މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުގައި ބެލި ތިން މެންބަރުންނަށްވެސް ބުރަވެވުނުކަން އެނގެއެވެ. އަދި މި މައްސަލައިގެ ވަށައިގެންވާ ހާލަތަށް ރިޢާޔަތްކުރުމާއެކު، މައްސަލަ ޓްރައިބިއުނަލް އަށް ހުށަހެޅި ވަޒީފާ އަދާކުރި ފަރާތަށް ބަދަލެއް ދޭނަމަ، ބަދަލުގެ ގޮތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރައިގެ ގޮތުގައި ލިބެމުން ދިޔަ އަދަދު ނަގައިދިނުމަށް ފެންނަކަމަށް މައްސަލަބެލި ތިން މެންބަރުންވެސް އިއްތިފާޤުވެއެވެ.
މި މައްސަލައިގައި (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަށް ބަދަލު ނަގައިދިނުމުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލުން ރިޢާޔަތްކޮށްފައިވާ ކަންކަމަކީ، މީގެ ކުރިން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންވެސް މިބާވަތު މައްސަލަތަކުގައި ޢަމަލުކުރާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ނިންމާފައިވާ ނިންމުމެއްކަން ފާހަގަކުރެވެއެވެ. އަދި މި މައްސަލައިގައި ކަންހިނގާދިޔަ ގޮތަށް ރިޢާޔަތްކޮށް، (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ގެ ވަޒީފާގެ އެއްބަސްވުން އައުކޮށް ނުދިން ނުދިނުމަކީ އޭނާގެ ޞިއްޙީ ޙާލަތާމެދު ވަޒީފާއާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) އާ ޚިލާފުނުވާ، ތަފާތުކުރުމަކަށްނުވާ ޢަމަލެއްކަން ވަޒީފާދިން ފަރާތަށް ސާބިތުކޮށް ނުދެވޭކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ކަނޑައެޅިއިރު، (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމަށް ނިންމާފައިވާ 01 (އެކެއް) އަހަރު ދުވަހުގެ މުސާރައަކީ އެކަށީގެންނުވާ އަދަދެއްކަން ސުޕްރީމް ކޯޓުގައި މެގަ ގްލޯބަލް އަށް ބުނެދެވިފައި ނުވެއެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން އެ މައްސަލަ ބެލި މެންބަރުންގެ ރައުޔުގައިވާ ނުކުތާތަކާ ތަފާތުކަން ފާހަގަކުރެވެއެވެ. އެގޮތުން، މައްސަލަ ނިންމިގޮތުގައި، ވަޒީފާއަދާކުރި ފަރާތަށް އޭނާ އަދާކުރަމުންދިޔަ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމިހުރެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް ނުވަތަ، ވަޒީފާއަދާކުރި ފަރާތާ އެއް މަޤާމެއްގައި ތިބި މުވައްޒަފުންގެ ވަޒީފާ އެއްބަސްވުން އައުކޮށްދިން މުއްދަތުގައި ދެމިހުރިނަމަ، މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭނެ އެންމެހައި ފައިސާ ބަދަލުގެ ގޮތުގައި ވަޒީފާއަދާކުރި ފަރާތަށް ނަގައިދިނުމަށް ވަޒީފާދިން ފަރާތުގެ މައްޗަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރުކޮށް، ވަޒީފާދިން ފަރާތުގެ ޣައިރު ހާޒިރުގައި މައްސަލަ ނިންމާފައިވެއެވެ.
ސުވާލަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން މި މައްސަލައިގައި ނަގައިދީފައިވަނީ 01 (އެކެއް) އަހަރު ދުވަހުގެ މުސާރަތޯ ނުވަތަ 03 (ތިނެއް) އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްތޯއެވެ. މައްސަލަ ނިންމި ގޮތުގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭ އަދަދު ސާފުކޮށް ބަޔާންކޮށްފައިނުވެއެވެ. އަދި ގެއްލުމުގެ ބަދަލު ނަގައިދޭނަމަ، ވަޒީފާއަދާ ކުރި ފަރާތުގެ މުސާރައާއި އިނާޔަތް ނަގައިދެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، މުސާރަ އާއި އިނާޔަތް ހިސާބުކުރަންވީ މުއްދަތުވެސް ޞަރީޙަކޮށް ބަޔާންކޮށްފައި ނުވެއެވެ. އެ ނިންމުމުގައި ބަޔާންކޮށްފައިވަނީ (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އާ "...އެއް މަޤާމެއްގައި ތިބި މުވައްޒަފުންގެ ވަޒީފާގެ އެއްބަސްވުން އައުކޮށްދިން މުއްދަތުގައި..." (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ ވެސް ދެމިހުރިނަމަ މުސާރައާއި އިނާޔަތުގެ ގޮތުގައި ލިބޭނެ އެންމެހައި ފައިސާ ނަގައިދެވިދާނެކަމަށެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގައި މި މައްސަލަ ބެލި މެންބަރުން އިއްތިފާޤުވި ރައުޔުގައި، 3 (ތިނެއް) އަހަރު ދުވަހުގެ މުއްދަތަށް ވަޒީފާއަދާކުރި ފަރާތް އެ ވަޒީފާގައި ދެމިހުރިނަމަ އޭނާއަށް ލިބޭނެ މުސާރައާއި އިނާޔަތަށްވާ ފައިސާ ނަގައިދިނުމަކީ އިންސާފުވެރިގޮތެއްކަމަށް ނުފެންނަކަމަށް ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ސަބަބަކީ އަލުން އަނބުރާ ވަޒީފާއަށް ދިއުމުގެ ފުރުސަތު (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަށް އޮތް ނަމަވެސް، އެ ފުރުސަތުގެ ބޭނުން ނުހިފުމުގެ އިތުރުން، މި މައްސަލަ ޓްރައިބިއުނަލްގައި ހިނގަމުން ދިޔައިރުވެސް އޭނާއަކީ އެހެން ވަޒީފާއެއްގައި އުޅޭ މީހަކަށްވާތީއެވެ. މި ވިސްނުން ސުޕްރީމް ކޯޓުގެ ވަޒީފާއާބެހޭ މައްސަލަތަކުގައި ބަދަލު ނަގައިދިނުމުގެ އުސޫލުތަކާ އެއްގޮތްކަން ފާހަގަކުރެވެއެވެ.
އެހެންކަމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލައިގެ ނިންމުމުގައި މައްސަލައިގެ ޚަޞްމުންނަށް ދެގޮތުންކުރެ އެއް ގޮތް ޚިޔާރުކުރެވިދާނެކަމަށް ބަޔާންކޮށްފައިވާއިރު، އަދި އެތަނުން ވަޒީފާދިން ފަރާތުން ޚިޔާރުކުރީ ގެއްލުމުގެ ބަދަލުކަމުގައިވާއިރު، ވަޒީފާއަދާކުރި ފަރާތަށް ނަގައިދެވޭނެ ގެއްލުމުގެ ބަދަލު ކަނޑައަޅަންވާނީ މައްސަލަ ބެލި މެންބަރުންގެ ރައުޔުގައި ތަފްސީލުކުރެވިފައިވާ ކަންކަމުގެ އަލީގައެވެ. އެގޮތުން، ވަޒީފާއަދާކުރި ފަރާތަށް ނަގައިދެވޭނީ 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި އިނާޔަތަށްވާ ފައިސާކަމުގައި އަހުރެން ދެކެމެވެ.
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލަ އިސްތިއުނާފު ކުރުމުން ބެލި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/21 ޤަޟިއްޔާގައި ވަޒީފާ ދިން ފަރާތުން ބަދަލު ނަގައި ދޭނެ ވަކި މިންވަރެއް ނުވަތަ މުއްދަތަކާ ގުޅޭ އެއްވެސް ނުކުތާއެއް ހައިކޯޓަށް މެގަ ގްލޯބަލް އިން ހުށަހަޅާފައިވާކަން ހައިކޯޓުގެ ނަންބަރު 2014/HC-A/21 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓަށް ބެލުމުން އެނގޭކަށް ނެތެވެ. މިއީ ހައިކޯޓުގައި ކުރިން އިސްތިއުނާފު ނުކުރާ ސުޕްރީމް ކޯޓަށް އަލަށް ހުށަހެޅުނު ނުކުތާއެއްކަމަށް ވީނަމަވެސް، މި މައްސަލައިގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ރައުޔުގައިވާ ކަންކަމާ، އަދި ނިންމި ގޮތާ ކޮންމެވެސް ވަރެއްގެ ފުށުއެރުމެއް، ނުވަތަ އޮޅުންއަރާ ކަންކަންވާކަން ފާހަގަކުރެވޭތީ، އިންސާފަށް ވާސިލުވުމަށްޓަކައި، މި މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ބަލަންޖެހޭ އަދަދަކީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ މެންބަރުންގެ ރައުޔުގައި ފާހަގަކޮށްފައިވާ ކަންކަމުގެ އަލީގައި، ހުށަހަޅާފައިވާ ގޮތަށްކަން މައްސަލައިގެ ޚަޞްމުންނަށް ސާފުކޮށްދޭންޖެހޭކަމަށް ބުރަވެވެއެވެ.
އިސްވެ ފާހަގަކުރެވުނު ސަބަބުތައް އެގޮތަށް ހުރުމުން، މި މައްސަލައިގައި ބަދަލު ނަގައިދޭނަމަ، އެ ބަދަލުގެ މިންވަރަކީ ވަޒީފާއަދާކުރި ފަރާތަށް 01 (އެކެއް) އަހަރު ދުވަހުގެ މުއްދަތުގައި ލިބޭނެ މުސާރައާއި އިނާޔަތްތައްކަން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލަ ނިމުނުގޮތުގެ ރިޕޯޓަށް ބެލުމުން އެނގެންއޮވެއެވެ. އަދި އެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި ފަރާތަށް ހުށަހެޅިފައިނުވާކަމަށް އަހުރެން ދެކެމެވެ.
ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
މި މައްސަލައިގައި އުއްތަމަ ފަނޑިޔާރު އަޙްމަދު މުޢުތަޞިމް ޢަދުނާންގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ފާހަގަކުރެވުނު ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/21 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް މެގަ ގްލޯބަލް އެއަރ ސަރވިސަސް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑް އިން ހުށަހަޅާފައިނުވާކަމަށް ކަނޑައަޅައި، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 28/VTR/2013 މައްސަލައިގައި ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދެވޭނެ ޢަދަދަކީ (ނަން އުނިކުރެވިފަ) ]ވަޒީފާ އަދާކުރި ފަރާތް[ އަދާކުރަމުން ދިޔަ ވަޒީފާގެ 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ ފައިސާކަމަށް ކަނޑައަޅައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
އަޒްމިރާލްދާ ޒާހިރު އަޙްމަދު މުޢުތަޞިމް ޢަދުނާންމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.