ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2013/SC-A/10ސުޕްރީމް ކޯޓު · 20 ފެބުރުއަރީ 2020

—

ސުޕްރީމް ކޯޓު
4 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 ފެބުރުއަރީ 2020ބާވަތް: މަދަނީ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާ

ޤަޟިއްޔާ ނަންބަރު: 2013/SC-A/10

ދަޢުވާކުރާ ފަރާތް: އެޓަރނީ ޖެނެރަލްގެ އޮފީސް

ދަޢުވާ ލިބޭ ފަރާތް: ޢަލީ ނަޝީދު

މައްސަލައިގެ ބާވަތް: ވަޒީފާއާބެހޭ

މައްސަލަ އައިގޮތް: އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚް: 29 ޖަނަވަރީ 2013

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 13 މާރިޗު 2013

ނިމުނު ތާރީޚް: 20 ފެބުރުވަރީ 2020

މައްސަލަ ބެލި ފަނޑިޔާރުންގެ މަޖިލިސް: ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު

އިލްތިމާސްކުރެވުނު ޤަޟިއްޔާ

ނަންބަރު: 2011/HC-A/243

ނިންމެވި ކޯޓު: ދިވެހިރާއްޖޭގެ ހައިކޯޓު

ރަޖިސްޓްރީ ކުރެވުނު ތާރީޚް: 12 އޮކްޓޫބަރު 2011

ނިމުނު ތާރީޚް: 13 ސެޕްޓެންބަރު 2012

ފަނޑިޔާރު ހުސްނުއްސުޢޫދު: (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު ތާއީދުކުރައްވާފައި)

ތައާރުފް

2010 އޮގަސްޓު 6 ގެ ފަތިހު 4:30 އެހާއިރު ގދ. ތިނަދޫ، ސަކީނާ މަންޒިލް، އާމިނަތު ޒިޔާދާ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ، ގަދަކަމުން ކާރަކަށް އަރުވައި، ކިޑްނެޕްކޮށްގެން ގެންގޮސް އާމިނަތު ޒިޔާދާ އާމެދު ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގައި އިސްތިއުނާފު ރައްދުވާ ޕޮލިސް ކޯޕްރަލް ޢަލީ ނަޝީދު، ފިނިވާގެ، ހއ. ކެލާ (މީގެ ފަހުން "ޢަލީ ނަޝީދު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް" ކަމަށް ބުނެފައިވާ)، ބައިވެރިވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ކުރި ތަހުގީގަށް ގަބޫލުކުރެވިގެން، ޢަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ގަބޫލުކުރެވޭތީވެ، ޢަލީ ނަޝީދު، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންދިޔަ ވަޒީފާއިން 14 ސެޕްޓެންބަރު 2010 ގައި ވަކިކޮށްފައިވެއެވެ.

ޢަލީ ނަޝީދުގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމަވަމުން އެ ބޯޑުން ބުނެފައިވަނީ، ޢަލީ ނަޝީދުގެ މައްޗަށް ހުށަހެޅިފައިވާ މައްސަލައިގެ ބާވަތަށާއި، ލިބިފައިވާ ހެއްކާއި ގަރީނާއަށް ރިއާޔަތްކޮށް ބަލާއިރު، ޢަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ގަބޫލުކުރެވޭތީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) އާ ޙަވާލާދީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން، ފުލުހުންގެ ވަޒީފާއިން ޢަލީ ނަޝީދު ވަކިކުރުމަށް ނިންމީ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން މި މައްސަލަ ނިންމެވި ރިޕޯޓުގައި ބުނެފައިވަނީ، ޢަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް ނިންމެވި ސަބަބަކީ، ޢަލީ ނަޝީދު އެ ބޯޑަށް ޖަވާބުދާރީވުމުގައި ދައްކާފައިވާ ވާހަކަތައް ފުށުއަރާތީ އާއި، ކަމުގެ އަސްލު އޮޅުވާލައި މުޅި މައްސަލައިގެ ހަގީގަތް ފެބްރިކޭޓްކުރަން މަސައްކަތްކޮށްފައިވާކަމަށް ގަބޫލުކުރެވޭތީ އާއި މި މައްސަލައިގައި ހިމެނޭ ކުށުގެ ބާވަތަށާއި، ކުށްކޮށްފައިވާ ގޮތާއި، ކުށުގެ އަމަލު ހިންގުމަށް ބޭނުންކޮށްފައިވާ ތަކެއްޗަށް ބަލާއިރު މިފަދަ ކުށެއްގައި ބައިވެރިވިކަމަށް ބެލެވޭ މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ ތަނެއްގެ ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާ، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންކުރާ އިތުބާރާއި ޔަގީންކަން ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެކަމެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމެވި ނިންމެވުން، ޢަލީ ނަޝީދު ސިވިލް ކޯޓަށް ހުށަހެޅުމުން، ސިވިލް ކޯޓުން ކުރެއްވި ހުކުމުގައި ކަނޑައަޅުއްވާފައިވަނީ، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން ވަކިކުރަނީނަމަ ކުރެވިފައިވާ ކުށުގެ ތުހުމަތަކީ ހަމައެކަނި ހީކުރެވޭ ހީކުރެވުމަކަށްނުވެ، އެ ތުހުމަތުގެ މައްޗަށް ބިނާކޮށް ޢަލީ ނަޝީދުއާމެދު ފިޔަވަޅުއަޅާނެ ސަބަބުތަކެއް ނުވަތަ އެ ކުށާ ޢަލީ ނަޝީދުއާ ގުޅުވައިދޭނެ ހެކި ތަކެއް ހުންނަންޖެހޭނެކަމަށް ވީހިނދު، ޢަލީ ނަޝީދުގެ މައްޗަށް ކުރެވިފައިވާ ކުށުގެ ތުހުމަތާއި ޢަލީ ނަޝީދުއާ ގުޅުވައިދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައި ނެތަތީ، ޢަލީ ނަޝީދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދާ އެއްގޮތަށްކަމަށް ބެލެވެން ނެތްކަމަށެވެ.

މި މައްސަލައިގައި ސިވިލް ކޯޓުން ކޮށްފައިވާ ހުކުމް، ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/243 ގަޒިއްޔާގައި އެ ކޯޓުން ހުކުމް ކުރައްވާފައިވަނީ، ޢަލީ ނަޝީދުގެ މައްޗަށް ތުހުމަތުކުރެވުނު ކުށުގެ ތަހުގީގުގައި ޢަލީ ނަޝީދު ގާނޫނާ ޚިލާފު އަމަލެއް ކޮށްފައިވާކަން ފުލުހުން ކުޅަ ތަހުގީގަކުން ނުވަތަ ތަހުލީލަކުން ސާބިތުވެފައިވާކަން ދައުލަތުގެ ފަރާތުން ޝަރީޢަތަށް ސާބިތުކޮށްދީފައިނުވާތީ، ސިވިލް ކޯޓުގެ ނަންބަރު 1518/Cv-C/2010 ގަޒިއްޔާގައި ކަނޑައަޅާފައިވާ ކަނޑައެޅުމަކީ ގާނޫނީ ހަމަތަކާ ޚިލާފު ނިންމުމެއް ކަމަށް ބެލެވޭނެ ތަނެއް ނެތް ކަމަށެވެ.

ސުޕްރީމް ކޯޓުގައި އިސްތިނާފުކުރެވުނު ނުކުތާތައް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/243 ގަޒިއްޔާ ނިންމަވާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ދައުލަތުގެ ފަރާތުން ތިން ނުކުތާއެއް ފާހަގަކޮށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. އެ ތިން ނުކުތާއަކީ:

(ހ) "ކޯޓުގެ ކުރިމަތީގައި އޮތް ސުވާލަކީ އިސްތިއުނާފު ރައްދުވާ ޢަލީ ނަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމަކީ ގާނޫނާ ގަވާއިދުގެ ދާއިރާގެ ތެރޭގައި އެ ބޯޑުން ނިންމަވާފައިވާ ނިންމުމެއްތޯ ނުވަތަ ނޫންތޯ އެ ސުވާލުކަމަށްވެފައި، އެ ސުވާލަށް ޖަވާބެއް ހޯދުމަށް އެ ކޯޓުން ބައްލަވަންވާނީ ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށާއި، ވަށައިގެންވާ ހުރިހާ ކަމަކަށް ރިއާޔަތްކުރެއްވުމާއެކު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގެ އެ ނިންމުމަކީ އެ ހާލަތުގައި ރީޒަނަބްލް އެމްޕްލޯޔަރަކު އެޅުން އެކަށީގެންވާ ފިޔަވަޅެއްތޯ (އޮބްޖެކްޓިވް މިންގަނޑަކުން) ކަމަށްވީއިރު، އެފަދައިން ބެއްލެވުމުގެ ބަދަލުގައި ސަބްޖެކްޓިވް މިންގަނޑަކުން ބައްލަވައި ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވާއިރު، ސިވިލް ކޯޓުގެ އެ ނިންމެވުމަށް ތާއީދުކުރައްވައި ހައިކޯޓުން މައްސަލަ ނިންމެވުމުގައި ވެސް ރީޒަނަބްލް އެމްޕްލޯޔަރަކު އެ ހާލަތުގައި އަމަލުކުރާނެ ގޮތަށް ރިއާޔަތް ނުކުރައްވައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގެ ނިންމެވުމާމެދު ސަބްޖެކްޓިވް މިންގަނޑަކުން ބައްލަވައި މައްސަލަ ނިންމަވާފައިވުން."

(ށ) "ސިވިލް ކޯޓުން ބެއްލެވި މައްސަލައިގައި ގާނޫނީ އޮއްޓަރު ބިނާވެފައި އޮތީ ޢަލީ ނަޝީދުއާމެދު ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން އެޅި ޑިސިޕްލިނަރީ ފިޔަވަޅަކީ ގާނޫނާ ގަވާއިދުގެ ދާއިރާގެ ތެރޭގައި ނިންމަވާފައިވާ ނިންމެވުމެއްތޯ ކަނޑައެޅުއްވުމުގެ މައްޗަށް ކަމަށްވީ ނަމަވެސް، ސިވިލް ކޯޓުން މައްސަލަ ނިންމަވާފައިވަނީ ޢަލީ ނަޝީދުގެ މައްޗަށް ތުހުމަތު ކުރެވުނު އަމަލު އޭނާ ކޮށްފައިވޭތޯ ނުވަތަ ނޫންތޯ އެ ކޯޓުން އަލުން ތަހުގީގުކުރައްވައި، އޭގެ ނަތީޖާއެއްގެ ގޮތުން ކޯޓަށް ފާހަގަކުރެވުނު ކަންކަން ނުވަތަ ފައިންޑިންގްސް ތަކެއްގެ މައްޗަށް ބުރަވެވަޑައިގެން ކަމަށްވީއިރު، ސިވިލް ކޯޓުގެ އެ ނިންމެވުން ރަނގަޅުކަމަށް ހައިކޯޓުން ކަނޑައަޅުއްވާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްވުން."

(ނ) "މައްސަލައާ ގުޅޭ ހެކި ސިވިލް ކޯޓުން ވަޒަންކުރައްވާފައިވަނީ ގާނޫނީ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ކަމަށް ނުވާއިރު، އެ ކޯޓުން އެކަން ކުރައްވާފައިވާ ގޮތް ރަނގަޅުކަމަށް ހައިކޯޓުން ނިންމަވާފައިވުން؛ އަދި މައްސަލައާ ގުޅޭ ގޮތުން ހުށަހެޅުނު ހެކި ހައިކޯޓުން ދިރާސާކުރެއްވިއިރު، ހައިކޯޓުން ވެސް ހެކި ވަޒަންކުރައްވާފައިވަނީ ގާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ނުވުން."

ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ބިނާކޮށްފައިވާ ކަންކަން

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން މި މައްސަލަ ނިންމެވި ރިޕޯޓުގައި އަންނަނިވި ކަންކަން ފާހަގަކުރައްވާފައިވެއެވެ.

(ހ) 2010 އޮގަސްޓު 6 ރޭގެ ފަތިހުގެ ވަގުތެއްގައި ގދ. ތިނަދޫ، ސަކީނާ މަންޒިލް، އާމިނަތު ޒިޔާދާ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ، ގަދަކަމުން ކާރަކަށް އަރުވައި ކިޑްނެޕްކޮށްގެން ގެންގޮސް އާމިނަތު ޒިޔާދާ އާމެދު ގަދަކަމުން ބަޔަކު ބަދުއަޚްލާގީ އަމަލު ހިންގާފައިވާކަން.

(ށ) ހާދިސާ ހިނގާފައިވާގޮތުގެ ތަފްސީލީ ބަޔާނެއް އާމިނަތު ޒިޔާދާ 2010 އޮގަސްޓު 07 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީ، އެ ބަޔާނުގައި ސޮއިކޮށް އޭނާގެ އިނގިލީގެ ނިޝާން ޖަހާފައިވާކަން.

(ނ) 2010 އޮގަސްޓު 7 ދުވަހު އާމިނަތު ޒިޔާދާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި، ކަންހިނގާފައިވާ ގޮތްކަމަށް އޭނާ ބަޔާންކޮށްފައިވާ ގޮތާއި، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ މައްސަލައިގައި އިތުރަށް ކުރި ތަހުގީގުގައި ސުވާލުކުރި ހެކިންގެ ހެކިބަހާއި ލިބުނު އެހެނިހެން ހެކިތަކާއި، އާމިނަތު ޒިޔާދާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ ބަޔާނުގައި ބަޔާންކޮށްފައިވާ ވާހަކަތަކާ ދިމާވާކަން.

(ރ) އެގޮތުން، އާމިނަތު ޒިޔާދާގެ ބަޔާނުންނާއި، ރ. މަޑުއްވަރީ، ދެތަނޑިމާގޭ އިބްރާހީމް ސަމީން އާއި މަންޒަރު ދުށް އިތުރު މީހުންގެ ބަޔާނުން، 2010 އޮގަސްޓު 6 ރޭގެ ފަތިހުގެ ވަގުތެއްގައި އާމިނަތު ޒިޔާދާ މާފަންނު މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ، ކަޅު ކުލައިގެ ކާރަކަށް ގަދަކަމުން އަރުވައިގެން ގޮވައިގެން ގޮސްފައިވާ ކަމަށާއި، އެ ކަޅު ކާރަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ AAOB S5241 ނަންބަރު ވެހިކަލްކަން.

(ބ) ކަޅު ކުލައިގެ ޕޮލިސް ކާރަކަށް އާމިނަތު ޒިޔާދާ އަރުވައިގެން، ދަކަނދާ މަގުން ދުއްވާފައި ދަނިކޮށް އެ މަގުގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ކާރު ޖެހުނުކަމަށް އާމިނަތު ޒިޔާދާގެ ބަޔާނުގައި ބުނެފައިވާތީ އާއި އަދި އެ މަގުން ހިނގާފައި ދިޔަ މީހަކަށް އެ މަންޒަރު ފެނިފައިވާތީވެ، ތުހުމަތުކުރެވޭ މީހުން ދުއްވިކަމަށް ބެލެވޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަމްބަރު S5241 AAOBކާރު ޗެކް ކުރިއިރު، ނޫކުލައިގެ ސައިކަލެއްގައި ޖެހި އެކްސިޑެންޓްވެ ކާރަށް ގެއްލުންތަކެއްވެ، ކާރުގެ މަގަތު ފަރާތުގެ ފަހަތު ފުރޮޅުގެ ތަށިފަޅި ނެތްކަން ފާހަގަވެ، އެ އެކްސިޑެންޓް ވެފައިވާ ސަރަހައްދަށް ފުލުހުން ގޮސް ބެލިބެލުމުން އެކްސިޑެންޓްވެފައިވާ ރަޖިސްޓްރީ ނަމްބަރު AAOD P6058 ނޫކުލައިގެ ޕަލްސާ ސައިކަލެއް ދަކަނދާ މަގުން ފެނިފައިވާކަމަށާއި، އެ ސަރަހައްދުން ކާރެއްގެ ތަށިފަޅި ފެނިގެން، އެ ތަށިފަޅި ރަޖިސްޓްރީ ނަމްބަރުAAOB S5241 ކާރުގެ ފުރޮޅުގައި ޖެއްސުމުން އެ ތަށިފަޅިއަކީ އެ ކާރުގެ ތަށިފަޅިކަން އެނގުމުން، އާމިނަތު ޒިޔާދާ ގަދަކަމުން އަރުވައި ކިޑްނެޕްކޮށްގެން ދިޔައީ އެ ކާރުގައި އެ ވަގުތު ތިބި މީހުންކަން.

(ޅ) މޯލްޑިވްސް ޕޮލިސް ސަރވިސްގެ ސްޕެޝަލް އޮޕަރޭޝަންގައި ގެންގުޅޭ ރަޖިސްޓްރީ ނަމްބަރުAAOB S5241 ކަޅު ކުލައިގެ ކާރުގެ ތަޅުދަނޑި ހަވާލުކޮށްފައި އޮތީ ޕޮލިސް ކޯޕްރަލް މުޙައްމަދު ފަޔާޟްއާ ކަމަށްވުމާއި، 2010 އޮގަސްޓު 6 ރޭ 00:30 ހާއިރު ރަޖިސްޓްރީ ނަމްބަރުAAOB S5241 ކާރު އިސްކަންދަރު 01 ނަންބަރު ކޮށީގައި ޕާރކް ކުރުމަށްފަހު އެރޭގެ އެއްވެސް ވަގުތެއްގައި އެ ކާރު ދުއްވާފައި ނުވާކަމަށް މުޙައްމަދު ފަޔާޟް ބުނާއިރު 2010 އޮގަސްޓު 6 ރޭ 04:00 އިން 05:20 އަށް އިސްކަންދަރު 2 ނަމްބަރު ކޮށީގެ ގޭޓް ޑިއުޓީގައި ހުރި ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ނިޔާޒްއާ ސުވާލުކުރުމުން އެރޭގެ 5:20 ވާން ވަރަށް ގާތްވެފައި ހުއްޓާ ރަޖިސްޓްރީ ނަމްބަރުAAOB S5241 ކަޅު ކުލައިގެ ކާރުގައި މުޙައްމަދު ފަޔާޟް އައިސް އިސްކަންދަރު 02 ނަމްބަރު ކޮށީގައި ހަދާފައިހުރި އައި ކެފޭ ކުރިމަތީގައި އެ ކާރު ޕާރކް ކުރުމަށްފަހު މުޙައްމަދު ފަޔާޟް ހިނގާފައި ގޭޓުން ނުކުންނަން ދާން ފެށުމުން މުޙައްމަދު ފަޔާޟްއާ ވާހަކަ ދައްކާފައިވާ ކަމަށް އޭނާ ބުނެފައިވާތީ އަދި ރަޖިސްޓްރީ ނަމްބަރު AAOD P6058 ސައިކަލުގައި ޖެހި އެކްސިޑެންޓްވެފައިވަނީ ރަޖިސްޓްރީ ނަމްބަރުAAOB S5241 ކާރުން ކަމަށް މަންޒަރު ދުށް މީހުން ބުނާތީ މުޙައްމަދު ފަޔާޟް ކާރު ނުދުއްވާކަމަށް ބުނާ ބުނުމަކީ ދޮގެއްކަން.

(ކ) ހާދިސާ ހިނގި ރޭ 05:00 އިން 05:25 އާ ދެމެދުގެ ވަގުތެއްގައި ރަޖިސްޓްރީ ނަމްބަރުAAOB S5241 ކާރު އައިކޭ 2 އަށް ވައްދަނިކޮށް ފެނުނުކަމަށާއި، އަދި ދަތުރު ދިއުމަށް ގޮސް ޝަހީދު ހުސައިން އާދަމް ބިލްޑިންގ ކައިރިން މުޙައްމަދު ފަޔާޟްއާ ދިމާވެގެން މުޙައްމަދު ފަޔާޟްއާ ވާހަކަ ދެއްކުމުގެ ތެރޭގައި "ދެންމެ ނިމިގެން އަންހެނުން ގޮވައިގެން އައީކަމަށް" މުޙައްމަދު ފަޔާޟް ބުނިކަމަށާ، ކޮންކަމެއް ނިންމާފައިތޯ ސުވާލުކުރުމުން "އޮޕަރޭޝަނެއް ނިންމާލައިފައި އައީ ކަމަށް" މުޙައްމަދު ފަޔާޟް ބުނިކަމަށް ކޮންސްޓެބަލް ޢަލީ މޫސާ ބުނެފައިވާކަން.

(އ) ރަޖިސްޓަރީ ނަންބަރު AAOB S5241 ކަޅު ކުލައިގެ ކާރުން ރަޖިސްޓްރީ ނަމްބަރު AAOD P6058 ސައިކަލުގައި ޖެހި އެކްސިޑެންޓްވުމުގެ ސަބަބުން ކާރުގައި ސައިކަލުގެ ދަވާދު ޖެހިފައިވާކަން ފާހަގަކުރެވިގެން، ކާރާއި ސައިކަލުން ދަވާދު ނަގައިގެން ތަހުލީލް ކުރުމުން ކާރުގައި ޖެހިފައިވާ ދަވާދަކީ ރަޖިސްޓްރީ ނަމްބަރު AAOD P6058 ސައިކަލުގެ ދަވާދުކަން ފޮރެންސިކް ޑިޕާރޓްމަންޓުން ތައްޔާރުކޮށްފައިވާ ޕެއިންޓް އެގްޒަމިނޭޝަން ރިޕޯޓުގައި ބުނެފައިވާކަން.

(ވ) ރަޖިސްޓަރީ ނަންބަރު AAOB S5241 ކަޅުކުލައިގެ ކާރުގެ ތަޅުދަނޑި ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ހުސައިން ރިޝީފް ޠޯހާ، ކޯޕްރަލް މުޙައްމަދު ފަޔާޟްއާ ހަވާލުކުރި ފަހުން 2 ހަފްތާ ވެދާނެކަމަށް މުޙައްމަދު ފަޔާޟް ބުނާއިރު، ހުސައިން ރިޝީފް ޠޯހާ އެ ކާރާއި ހަވާލުވިތާ ވާނީ 2 ދުވަސް ކަމަށް ހުސައިން ރިޝީފް ޠޯހާ ބުނެފައިވާކަން.

(މ) ކާރުގެ ޑަބަލް ތަޅުދަނޑި ލޮޖިސްޓިކްގައި އޮންނަ ކަމަށާއި، ހާދިސާ ހިނގި ދުވަހު ގަރާޖުގައި އޮތް ތަޅުދަނޑި އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާނެކަމަށް ލޮޖިސްޓިކް ސަރވިސްގެ ނޯޓުން ޖަވާބުލިބިފައިވާކަން.

(ފ) 2010 އޮގަސްޓު 6 ރޭގެ ފަތިހުގެ ވަގުތެއްގައި އާމިނަތު ޒިޔާދާ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ، ގަދަކަމުން ކާރަކަށް އަރުވައި ކިޑްނެޕްކޮށްގެން ގެންގޮސް އާމިނަތު ޒިޔާދާ އާމެދު ގަދަކަމުން ބަޔަކު ބަދުއަޚްލާގީ އަމަލު ހިންގިކަމުގެ ތުހުމަތުކުރެވޭ މީހުންނަކީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ރިޝީފް ޠޯހާ އާއި ޕޮލިސް ކޯޕްރަލް ޢަލީ ނަޝީދު އާއި ޕޮލިސް ކޮންސްޓަބްލް ހުޝާމް ޙަމީދު އާއި ޕޮލިސް ކޯޕްރަލް މުޙައްމަދު ފަޔާޟް ކަމާއި މި މީސްމީހުންގެ މައްޗަށް މިކަމުގެ ތުހުމަތު ކުރެވުނީ އަންނަނިވި ކަންކަން އެގޮތަށް ހުރުމުންކަން.

އެގޮތުން، ހާދިސާ ހިނގި ރޭ 12:45 ގައި މުޙައްމަދު ފަޔާޟް ގެއަށް ގޮސް ނިދީ ކަމަށާއި ފަތިހު 05:30 ހާއިރު ދަތުރު ދާން ހޭލީކަމަށާ އެ ގަޑީގައި ހުސައިން ރިޝީފް ޠޯހާއަށް ގުޅައި ދަތުރު ދާން ހުއްދަ ހޯދި ކަމަށާއި، މުޙައްމަދު ފަޔާޟްގެ ބަޑީކަމަށްވާ ކޮންސްޓަބަލް ހުޝާމް ހަމީދުއަށް ގުޅައި ދަތުރުދާ ވާހަކަ ބުނި ކަމަށް ތަހުގީގުގައި ބުނެފައިވާކަން. އަދި މީގެ އިތުރުން ޢަލީ ނަޝީދުއަށް ފޯނުން ހުސައިން ރިޝީފް ޠޯހާ ގުޅައި މުޙައްމަދު ފަޔާޟް ދަތުރު ދާވާހަކަ ބުނެފައިވާކަމަށް ބުނެފައިވާކަން. ނަމަވެސް، ހާދިސާ ހިނގި ރޭ 01:00 ޖަހާކަންހާއިރު މުޙައްމަދު ފަޔާޟް އާއެކު މުޙައްމަދު ފަޔާޟްގެ ސައިކަލުގައި ހުޝާމް ހަމީދު ދިރިއުޅޭ ގެއަށް މުޙައްމަދު ފަޔާޟް ދިޔަކަމަށާއި ގޭގައި އިންޓަރނެޓް ބޭނުންކުރުމަށާއި ފިލްމެއް ބަލަން އިން ކަމަށް ހުޝާމް ހަމީދު ބުނެފައިވާކަން. އަދި މިގޮތަށް އިނުމަށްފަހު ގާތްގަނޑަކަށް 02 ނުވަތަ 03 ގަޑިއިރު ފަހުން ހުސައިން ރިޝީފް ޠޯހާ ފޯނުން ގުޅައި އެގޭ ކައިރި ބަލަން ބުނިކަމަށާއި، އޭގެ ފަހުން މުޙައްމަދު ފަޔާޟް ވެސް ހުޝާމް ހަމީދުއަށް ގުޅައި ހުސައިން ރިޝީފް ޠޯހާ ގުޅި ވާހަކަ ބުނުމަށްފަހު ހުޝާމް ހަމީދު ބަލައި މުޙައްމަދު ފަޔާޟް މީރުބަހުރުގެ (ހުޝާމް އުޅޭގެ) ކައިރިއަށް އައުމުން މުޙައްމަދު ފަޔާޟްގެ ސައިކަލްގައި ހުސައިން ރިޝީފް ޠޯހާގެ ގޭ ކައިރިއަށް ދިޔައީކަމަށް ހުޝާމް ހަމީދު ބުނެފައިވާކަން.

2010 އޮގަސްޓު 06 ވަނަ ދުވަހުގެ ގާތްގަނޑަކަށް 11:00 ހާއިރު ހުސައިން ރިޝީފް ޠޯހާ އިސްކަންދަރު ކޮށި 1 ގައި ހުއްޓާ ކާރުގެ ތަޅުދަނޑި ކޮބައިތޯ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޝްވާން ހުސައިން ރިޝީފް ޠޯހާއާ ސުވާލުކުރުމުން މުޙައްމަދު ފަޔާޟް ދަތުރު ދިޔައިރު ދިޔައީ ކާރުގެ ތަޅުދަނޑި ހިފައިގެން ކަމަށް ބުނެފައިވާކަން.

ދަތުރުދާ މީހަކު ތަޅުދަނޑި ހިފައިގެން ދާން ޖެހުނު ސަބަބެއް އޮންނަންވާނެ ކަމަށް ސަރޖަންޓް މަޢުރޫފާ ސަލީމް ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރިޝްވާންއަށް ދެންނެވުމުން، މުޙައްމަދު ފަޔާޟް ތަޅުދަނޑި ހިފައިގެން ދިޔައީ ހުސައިން ރިޝީފް ޠޯހާ ބުނެގެން ކަމަށާއި ގަރާޖްގައި ޖާގަނެތުމުންނާއި އަދި އެ ކާރުގެ އިޝޫސްތައް އަންނަ ކާރަކަށްވާތީ ކާރު ތަޅުދަނޑި ޖަހާފައި އިސްކަންދަރު ކޮށި 2 ގައި ނުބާއްވަން މުޙައްމަދު ފަޔާޟްއަށް އަންގާފައިވާނެކަމަށް، އޭރު އެތަނުގައި އެ ހާޒިރުގައި ހުރި ހުސައިން ރިޝީފް ޠޯހާ ބުނެފައިވާކަން.

ހުސައިން ރިޝީފް ޠޯހާ އެހެން ބުނި އިރު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޞާދިޤު އާއި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ހަސަން ސަޢީދު އާއި އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހިމް ޒުހުރީ އާއި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ އިބްރާހިމް މަނިކު އާއި ސްޓާފް ސަރޖަންޓް ޢަބްދުﷲ ޢަރީފް އަދި ސަރޖަންޓް މަޢުރޫފާ ސަލީމް އެތާ ތިބިކަން.

(ދ) މުޙައްމަދު ފަޔާޟްގެ ބަހުން ހާދިސާ ހިނގި ރޭގެ 01:00 ހާއިރު ގެއަށް ގޮސް އޭނާ ނިދީކަމަށާއި، ދެން އޭނާ ހޭލީ އެރޭގެ ފަތިހު 05:30 ހާއިރު ކަމަށް ބުނާއިރު މީނާގެ ކޯލް ޑީޓެއިލްސް ބެލި ބެލުމުން މީނާ ނިދާފައި އޮތް ގަޑިތަކުގައި ފޯނަށް ހުސައިން ރިޝީފް ޠޯހާ ، ހުޝާމް ހަމީދު، ޢަލީ ނަޝީދުގެ އިތުރުން މީނާގެ އަންހެނުން މާޢިދާ އަފީފްވެސް ގުޅާފައިވާކަން.

(ތ) ޢަލީ ނަޝީދުގެ ބަހުން މުޙައްމަދު ފަޔާޟް އާ ހުޝާމް ހަމީދު ފަތިސްވަންދެން ހޭލާ އުޅޭނެކަމަށް ބުނާއިރު، މުޙައްމަދު ފަޔާޟް އަމިއްލައަށް އޭނާ ނިދާފައި އޮތްކަމަށް ބުނެފައިވާކަން.

(ލ) 2010 އޮގަސްޓު 6 ގެ ފަތިހުގެ ވަގުތެއްގައި އާމިނަތު ޒިޔާދާ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ، ގަދަކަމުން ކާރަކަށް އަރުވައި ކިޑްނެޕްކޮށްގެން ގެންގޮސް އާމިނަތު ޒިޔާދާ އާމެދު ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގައި ބައިވެރިވިކަމުގެ ތުހުމަތު ޢަލީ ނަޝީދުގެ މައްޗަށް ކުރެވިގެން ޢަލީ ނަޝީދުއާ ސުވާލުކުރުމުން،2010 އޮގަސްޓު 6 ގެ 02:45 ވަންދެން އޭނާ އުޅުނީ ހޭލައި ކަމަށާއި އޭނާ އެރޭ ނިދީ 02:45 ގައި ކަމަށާއި ޢަލީ ނަޝީދު ހޭލީ އެ ދުވަހު ހެނދުނު ގާތްގަނޑަކަށް 11 ޖަހާ އެހާކަންހާއިރު ކަމަށް ޢަލީ ނަޝީދު ބުނެފައިވާއިރު، ޢަލީ ނަޝީދު އޮތީ ނިދާފައި ކަމަށް އޭނާ ބުނާ ގަޑިތަކުގައި ޢަލީ ނަޝީދު އޮތީ ނިދާފައި ނޫންކަން އޭނާގެ ފޯނުގެ ލޮގުންނާއި ޢަލީ ނަޝީދު ކޮށްފައިވާ ކޯލުތަކުގެ ސިގުނަލް ނަގާފައިވާ ސައިޓްތަކުގެ ފްލޯ ޗާޓުން އޭނާގެ ފޯނު ގެއާ ދުރު ހިސާބުތަކުގައި ގެންގުޅެފައިވާކަމާއި ޢަލީ ނަޝީދުގެ ކޯލް ލޮގުތަކުން ދައްކާ ގޮތުގައި، އޭނާ ނިދާފައި އޮތްކަމަށްބުނާ 2010 އޮގަސްޓު 6 ގެ 02:45 އިން ފެށިގެން އެ ދުވަހުގެ ހެނދުނު 11 ޖެހުމާދެމެދު 10 ކޯލުގެ މުއާމަލާތު އޭނާގެ ފޯނުން ހިނގާފައިވާކަން.

(ގ) ޢަލީ ނަޝީދުގެ ނަންބަރު 9998806، (ޕޮލިސް ކޯޑު ނަންބަރު 71770) ފޯނުގެ ކޯލް ލޮގަށް ބެލުމުން، ރަޖިސްޓްރީ ނަމްބަރުAAOB S5241 ކަޅު ކުލައިގެ ކާރުގެ ތަޅުދަނޑި ހަވާލުކޮށްފައި އޮތް ޕޮލިސް ކޯޕްރަލް މުޙައްމަދު ފަޔާޟްގެ ފޯނުން (ފޯން ނަންބަރު 9961446، ޕޮލިސް ކޯޑް ނަންބަރު 68340) ޢަލީ ނަޝީދުގެ ފޯނަށް އެރޭ 02:34 ގައި ގުޅިކަމާއި، ޢަލީ ނަޝީދުގެ ފޯނުން މުޙައްމަދު ފަޔާޟްއަށް އެރޭ 02:45 ގައި ގުޅިކަމާއި، މުޙައްމަދު ފަޔާޟްގެ ފޯނުން އެރޭ 03:52، 03:53، 04:25، 04:26، 04:27 ގައި ޢަލީ ނަޝީދުއަށް ގުޅާފައިވާ ކަމާއި، ޢަލީ ނަޝީދުގެ ފޯނުން މުޙައްމަދު ފަޔާޟްއަށް 04:28 ގައި ގުޅާފައިވާކަމާއި، އެއަށްފަހު އެ ދުވަހު ހެނދުނު 10:17 ގައި ޢަލީ ނަޝީދުގެ ފޯނުން މުޙައްމަދު ފަޔާޟުއަށް ގުޅާފައިވާކަމާއި، އެރޭ މި ދެ މީހުން މުއާމަލާތުކުރި ގަޑި ކަމުގައިވާ 04:27 އަދި 04:28 ގަޑީގައި ދެ މީހުންގެ ފޯނުގެ ސިގްނަލް ނަގާފައިވަނީ އެއް ސެލް ޓަވަރުން ކަން.

ފުލުހަކު ވަޒީފާއިން ވަކިކުރުމާބެހޭ ގަވާއިދު

ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނުގެ 2 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ، އެ ގާނޫނު ހިންގޭނީ އެހެން ގާނޫނަކުން އިސްތިސްނާކުރެވިފައިވާ ދާއިރާތައް ފިޔަވައި އެހެން ދާއިރާތަކަށް ކަމަށެވެ. އެގޮތުން ފުލުހުންގެ ދާއިރާގައި މަސައްކަތްކުރާ މީސްމީހުންގެ ވަޒީފާގެ ކަންކަމުގެ މައްޗަށް ހިންގަނީ ފުލުހުންގެ ގާނޫނު ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދާފައިވާ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދެވެ.

ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދާފައިވާ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ "މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ ތަހުގީގަކުން ނުވަތަ ތަހުލީލަކުން މުވައްޒަފަކު ގާނޫނާ ނުވަތަ ގަވާއިދާ ޚިލާފު އަމަލެއް ކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވާ ހާލަތެއްގައި، އެ ކުޅަ އަމަލުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން" ކަމަށެވެ.

ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެނީ ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ކަމެއް ފުރިހަމަވެގެން ކަމާއި އެތަނުން އެއް ކަމަކީ ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވުން ކަމާއި ދެވަނަ ކަމަކީ ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވާ އެ އަމަލަކީ އެ އަމަލުގެ ސަބަބުން، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީއަށް ފެނުމުން ކަމެވެ.

މަތީގައި އިސްވެ މި ހަވާލާދިން ގާނޫނުތަކާއި ގަވާއިދަށް ބަލާއިރު، ފުލުހަކު ވަޒީފައިން ވަކިކުރާ ހާލަތުގެ މައްޗަށް ހިނގަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާ އާންމު ހަމަތަކާއި މިންގަނޑުތައް ނޫންކަން އެނގެއެވެ. އެގޮތުން ފުލުހުންނަކީ، ހުވައެއްމަތީގައި ތިބެ، ގާނޫނު ތަންފީޒުކޮށް އަމަން ބަލަހައްޓާ މުއައްސަސާއެއްގައި މަސައްކަތްކުރާ ބަޔަކު ކަމަށްވާތީ، ގާނޫނު ތަންފީޒުކުރުމާއި އަމަން ބެލެހެއްޓުމާ ގުޅޭކަންކަމުގައި ފުލުހުންގެ މުއައްސަސާއަށް އެއްބާރުލުން ދިނުމާއި ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބުކަމަށްވާއިރު، އެ ވާޖިބާ ފުށުއަރާފަދަ ގޮތަކަށް ފުލުހެއްގެ އަމަލު ހުރެއްޖެނަމަ، އެކަމުގެ ސަބަބުން މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށްވާތީވެ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވޭތޯ ބެލުމުގައި ރިއާޔަތްކުރާނޭ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ އާންމު ގާނޫނުގެ ދަށުން ރިއާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ.

ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނުގެ ސައްހަމަގުންތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގައި، ކޯޓުތަކުން ބަލަންވާނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައިވޭތޯއެވެ.

ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވުން

މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމަވާފައިވާ 2012/SC-A/27 ނަންބަރު ގަޒިއްޔާގައި، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ "ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވުން" މި އިބާރާތް މާނަކުރައްވަމުން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެ ސަރވިސްގައި ވަޒީފާއަދާކުރާ ފުލުހަކާމެދު ކުރާ ތަހުގީގަކުން ނުވަތަ ތަހުލީލަކުން އޭނާ ގާނޫނާ ގަވާއިދާ ޚިލާފު އަމަލެއް ކޮށްފިކަން ސާބިތުވާކަމަށް ބަލަންޖެހޭނީ "ޝަރުޢީ އަދި ގާނޫނީ ހަމަތަކުގެ މަތިން، ކަންކަން ސާބިތުކުރުމަށް ޝަރީޢަތާއި އަދި ގާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން" ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ސ) ގައި ބަޔާންކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ "ޑިސިޕްލިނަރީ ބޯޑުން ކުރާ ތަހުގީގުގައި ބަލަންޖެހޭ މައިގަނޑު އަސާސްތަކަކީ ގާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަހުގީގުގައި ހޯދަން ބޭނުންވާ ކަންކަމާގުޅޭ ހެކިތައް ހޯދައި އެ ހެކިތައް ޖަމާކޮށް އޭގެ ފަހުން އެ ހެކިތަކަކީ އެ ތަހުގީގެއްގައި ތުހުމަތުކުރެވުނު ފަރާތާ މެދު ޖިނާއީ ގޮތުން ނުވަތަ ތައުދީބީ ގޮތުން ނަމަވެސް ފިޔަވަޅު އެޅުމަށް އެކަށޭނަ ކާފީ ހެކިހުރިތޯ ވަޒަންކުރުން" ކަމަށެވެ.

އިސްވެ މި ބަޔާންކުރި، ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-A/27 ގަޒިއްޔާގެ ފާހަގަކުރެވޭ ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ޖ) ގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، ސުޕްރީމް ކޯޓުގެ އެ ގަޒިއްޔާގައި އިސްތިއުނާފުކުރެވުނު ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2012/HC-A/85 ގަޒިއްޔާގައި ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިތައް، މަދަނީ މައްސަލަތަކުގައި ހުށަހެޅޭ ދަލީލުތައް ވަޒަންކުރުމުގައި ރިއާޔަތްކުރާ މިންގަނޑުކަމުގައިވާ "ބެލެންސް އޮފް ޕްރޮބަބިލިޓީ" ގެ މިންގަނޑާ ޚިލާފަށް ވަޒަންކޮށްފައިނުވާކަމަށެވެ. މިއިން އެނގެނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެފައިވޭތޯ ބެލުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުގެ މަސްއޫލިއްޔަތަކީ، ފިޔަވަޅު އެޅުމަށް އެކަށޭނަ ހެކި ހުރިތޯ ވަޒަންކުރުމެވެ. އަދި މިގޮތުން، ފިޔަވަޅު އެޅުމަށް އެކަށޭނަ ހެކިހުރިތޯ ވަޒަންކުރާނީ ބެލެންސް އޮފް ޕްރޮބަބިލިޓީގެ މިންގަނޑުންކަން އެ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ.

އިސްވެ ބުނެވިދިޔަ، ސުޕްރީމް ކޯޓުން ނިންމަވާފައިވާ 2012/SC-A/27 ގަޒިއްޔާގެ ހުކުމުގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ، އެ ގަޒިއްޔާގައި އިސްތިއުނާފު ރައްދުވި ފަރާތް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް ކަމަށާއި، އެއީ، އިސްތިއުނާފު ރައްދުވި ފަރާތުގެ މައްޗަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ކުރި ތަހުގީގުގައި އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނު އަމަލު "ބެލެންސް އޮފް ޕްރޮބަބިލިޓީ" ގެ މިންގަނޑުން ސާބިތުވާ މިންވަރަށް ޑިސިޕްލިނަރީ ބޯޑުގެ ކުރިމަތީގައި ހެކި ނެތުމުން ކަމަށެވެ.

ސުޕްރީމް ކޯޓުން ނިންމަވާފައިވާ 2012/SC-A/27 ގަޒިއްޔާގެ ހުކުމުގައި ބަޔާންކުރައްވާފައިވާ އުސޫލަށް ބަލާއިރު، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، ފުރަތަމަ، ކޯޓުން ބަލަންވާނީ އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑުގެ ކުރިމަތީގައި އެވަގުތު އޮތްތޯ ނުވަތަ ނޫންތޯއެވެ. ދެވަނަ ކަމަކަށް ކޯޓުން ބަލަންވާނީ ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއް ކޮށްފައިވޭތޯއެވެ.

ފުލުހުންގެ މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެތޯ ނުވަތަ ބުރޫއަރާފާނެތޯ ބެލުން

ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ، ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވުމުގެ އިތުރަށް، އެމީހާ ކުރި އަމަލުގެ ޒާތަށް ބަލާއިރު އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އޭގެ ސަބަބުން އެތަނުގެ އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެނުމުންނެވެ. އެ ތުހުމަތުކުރެވޭ އަމަލުގެ ބާވަތަކީ ފުލުހުންގެ މައިގަނޑު ވާޖިބާއި މަސްއޫލިއްޔަތާ ފުށުއަރާ އަމަލެއް ކަމުގައިވާނަމަ، އެ އަމަލަކީ އޭގެ ޒާތުގައި އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ބެލެވިދާނެއެވެ.

އިސްތިއުނާފުކުރެވޭ ގަޒިއްޔާގައި ހައިކޯޓުން ފާހަގަކުރެއްވި ނުކުތާތައް

އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/243 ގަޒިއްޔާގައި ހައިކޯޓުން ފާހަގަކުރެއްވި ނުކުތާތަކުގެ 3 ވަނަ ނަންބަރުގެ (ނ) އާއި (ރ) ގައި، ދިވެހިރާއްޖޭގެ ހައިކޯޓުން ވިދާޅުވެފައިވަނީ، ޢަލީ ނަޝީދުގެ މައްޗަށް ތުހުމަތުކުރެވުނު އަމަލު ހިންގުމުގައި ޢަލީ ނަޝީދު ބައިވެރިވިކަމުގެ ހެކީގެ ގޮތުގައި ސިވިލް ކޯޓުގެ ނަންބަރު 1518/Cv-C/2010 ގަޒިއްޔާގެ ޝަރީޢަތަށް ދައުލަތުން ހުށަހަޅާފައިވަނީ ޢަލީ ނަޝީދުގެ ނަންބަރު 9998806 ފޯނުން ކޮށްފައިވާ ފޯނު ކޯލުތަކުގެ ލޮގާއި، ޢަލީ ނަޝީދުގެ ފޯނުގެ ލޮގުތަކާއި ފޯނުގެ ސިގްނަލް ނެގިފައިވާ ތަންތަން އަންގައިދޭ ޗާޓު ކަމަށާއި، މި ފޯނުގެ ލޮގުތަކަށް ބަލާއިރު، ޢަލީ ނަޝީދު އާއި އާމިނަތު ޒިޔާދާ އެކަކު އަނެކަކަށް ގުޅާފައިވާކަން އެ ލޮގުތަކުން އެނގެން ނެތްކަމަށާއި، އަދި ދައުލަތުން ހުށަހަޅާފައިވާ އެއްވެސް ހެއްކަކުން އާމިނަތު ޒިޔާދާ ގަދަކަމުން އެރުވިކަމަށްބުނާ ނަންބަރު S5241 ކާރަށް އެރޭ ޢަލީ ނަޝީދު އަރާފައިވާކަން އެނގޭނޭ އެއްވެސް ހެއްކެއް ނެތްކަމަށާއި، އަދި އެރޭ ޢަލީ ނަޝީދު އާއި އާމިނަތު ޒިޔާދާ އެއްވެސް ތަނަކުން ބައްދަލުކޮށްފައިވާކަން އެނގޭނޭ އެއްވެސް ގޮތެއް ނެތް ކަމަށެވެ. މީގެ އިތުރުން، މި ހާދިސާ ހިނގިރޭ 02:45 ހާއިރު ވަންދެން ޢަލީ ނަޝީދު އުޅުނީ ހޭލައި ކަމަށާއި، އޭގެ ފަހުން އޭނާ ނިދައި ހޭލީ ގާތްގަނަޑަކަށް ހެނދުނު 11 ޖަހާ އެހާކަށްހާއިރު ކަމަށް ޢަލީ ނަޝީދު ބުނެފައިވާ ބުނުމާ ގުޅިގެން، ޢަލީ ނަޝީދު އޮތީ ނިދާފައި ކަމަށް އޭނާ ބުނާ ގަޑިތަކުގައި ޢަލީ ނަޝީދު އޮތީ ނިދާފައި ނޫންކަން އޭނާގެ ފޯނުގެ ލޮގުން އެނގޭ ކަމަށާއި، އެކަމަށް ހަރުދަނާ ކަމެއް ގެނެސްދެނީ ޢަލީ ނަޝީދު ކޮށްފައިވާ ކޯލުތަކުގެ ސިގުނަލް ނަގާފައިވާ ސައިޓްތަކުގެ ފްލޯ ޗާޓުން ކަމަށް ދައުލަތުން ސާބިތުކޮށްދޭން ހުށަހެޅި މި ހެކިތައް، އޭނާގެ ދިފާއުގައި ސިވިލް ކޯޓަށް ޢަލީ ނަޝީދު ހުށަހެޅި ހެކިވެރިން ކަމުގައިވާ ހއ. ކެލާ، ރިވެލި ޢަލީ ނާޒިމް އަދި މ. ގޮމަކަސްތޫރިގޭ ޙަސަން ޖަބީން މުޙައްމަދުގެ ހެކިބަހުން ނަފީވާ ކަމަށެވެ.

މީގެ އިތުރުން، މި ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ނިންމާފައިވަނީ، ޢަލީ ނަޝީދުގެ ފޯނުގެ ސިގްނަލް ނަގާފައިވާ ތަންތަން އެނގޭ ޗާޓާއި ގުޅިގެން ދިފާއުގައި ޢަލީ ނަޝީދުގެ ފަރާތުން ސިވިލް ކޯޓުގެ ނަންބަރު 1518/Cv-C/2010 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލީހަށް ހެކިވެރިންގެ ގޮތުގައި ހއ. ކެލާ، ރިވެލި، ޢަލީ ނާޒިމް އަދި މ. ގޮމަކަސްތޫރިގެ، ޙަސަން ޖަބީން މުޙައްމަދު ހުށަހަޅާފައިވާއިރު ފުލުހުންގެ ތަހުގީގުގައި، ހާދިސާ ހިނގި ވަގުތު ޢަލީ ނަޝީދު އޮތީ ގޭގައި ނިދާފައިކަމަށް ބުނެފައިވާ ވަގުތުގައި ޢަލީ ނަޝީދު ގޭގައި އޮތްކަމަށް ޢަލީ ނަޝީދު ހުށަހެޅި ހެކިން ހެކިބަސްދީފައިވާ ކަމާއި، ޢަލީ ނަޝީދުގެ ފޯނު އެ ހާދިސާ ހިނގި ރޭގައި ޢަލީ ނަޝީދުގެ އަންހެނުންގެ ކޮއްކޮ ޙަސަން ޖަބީން މުޙައްމަދު ގެންގުޅުނުކަމާއި އެ ފޯނު ހިފައިގެން ހަސަން ޖަބީން މުޙައްމަދު ގެއިން ބޭރަށް ދިޔަކަމަށް ޙަސަން ޖަބީން މުޙައްމަދު ސިވިލް ކޯޓުގައި ބުނެފައިވާކަމަށެވެ.

ޢަލީ ނަޝީދުއާ ދެކޮޅަށްހުރި ހެކި

2010 އޮގަސްޓު 6 ގެ ފަތިހުގެ ވަގުތެއްގައި އާމިނަތު ޒިޔާދާ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ، ގަދަކަމުން ކާރަކަށް އަރުވައި ކިޑްނެޕްކޮށްގެން ގެންގޮސް އާމިނަތު ޒިޔާދާ އާމެދު ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގައި ޢަލީ ނަޝީދު ބައިވެރިވާ ކަމަށް ޑިސިޕްލިނަރީ ބޯޑަށް ގަބޫލުކުރެވިގެން ޢަލީ ނަޝީދު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް އެ ބޯޑުން ނިންމިއިރު، އެ ބޯޑުގެ ކުރިމަތީގައި ހުރި ހެކިތައް، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ބަލައި ތަހުގީގުކޮށް ނިންމާފައިވާ ނަމްބަރު DC/2010/148 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

މިގޮތުން، 2010 އޮގަސްޓު 6 ގެ ފަތިހުގެ ވަގުތެއްގައި އާމިނަތު ޒިޔާދާ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ، ގަދަކަމުން ކާރަކަށް އަރުވައި ކިޑްނެޕްކޮށްގެން ގެންގޮސް އާމިނަތު ޒިޔާދާ އާމެދު ގަދަކަމުން ބަދުއަޚްލާގީ އަމަލު ހިންގުމުގައި ބައިވެރިވިކަމުގެ ތުހުމަތު ޢަލީ ނަޝީދުގެ މައްޗަށް ކުރެވިގެން ޢަލީ ނަޝީދުއާ ސުވާލުކުރުމުން ޢަލީ ނަޝީދު ބުނެފައިވަނީ2010 އޮގަސްޓު 6 ގެ 02:45 ވަންދެން އޭނާ އުޅުނީ ހޭލައި ކަމަށާއި އޭނާގެ ދަށުން މަސައްކަތްކުރާ ދެ ފުލުހުން ކަމަށްވާ ކޯޕްރަލް މުޙައްމަދު ފަޔާޟް އަދި ކޮންސްޓަބްލް ހުޝާމް ހަމީދު އެރޭގެ ފަތިސް ވަންދެން ހޭލާ އުޅޭނެކަމަށާއި އެއީ ހުސައިން ރިޝީފް ޠޯހާގެ ގޭ ކައިރީގައި ސެކިއުރިޓީ ބެލެހެއްޓުމުގެ ޓާސްކްއާއި ހުސައިން ރިޝީފް ޠޯހާގެ އަންހެނުން ތަންތަނަށް ގެންގޮސް ގެނެސްދިނުމުގެ ޓާސްކް އެ ދެކުދިންނާ ހަވާލުކޮށްފައިވާތީ ކަމަށެވެ. އަދި އެ ދުވަހު ޢަލީ ނަޝީދު ހޭލީ ގާތްގަނޑަކަށް ހެނދުނު 11 ޖަހާ އެހާކަންހާއިރު ކަމަށެވެ. ނަމަވެސް، ޢަލީ ނަޝީދު އޮތީ ނިދާފައި ކަމަށް އޭނާ ބުނާ ގަޑިތަކުގައި ޢަލީ ނަޝީދު އޮތީ ނިދާފައި ނޫންކަން އޭނާގެ ފޯނުގެ ލޮގުންނާއި ޢަލީ ނަޝީދުކޮށްފައިވާ ކޯލުތަކުގެ ސިގުނަލް ނަގާފައިވާ ސައިޓްތަކުގެ ފްލޯ ޗާޓުން އޭނާގެ ފޯނު ގެއާ ދުރު ހިސާބުތަކުގައި ގެންގުޅެފައިވާކަން އެނގެއެވެ. ޢަލީ ނަޝީދުގެ ކޯލް ލޮގުތަކުން ދައްކާ ގޮތުގައި އޭނާ ނިދާފައި އޮތްކަމަށްބުނާ 2010 އޮގަސްޓު 6 ގެ 02:45 އިން ފެށިގެން އެދުވަހުގެ ހެނދުނު 11 ޖެހުމާ ދެމެދު 10 ކޯލުގެ މުއާމަލާތު ހިނގާފައިވެއެވެ.

ސިވިލް ކޯޓަށް ޢަލީ ނަޝީދު ހުށަހެޅި މައްސަލައިގައި ޢަލީ ނަޝީދު ހުށަހަޅާފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން އޭނާގެ މައްޗަށް ނިންމާފައިވާ ނިންމުމުގެ ޞައްޙަކަން ބެލުމަށް ކަމުގައިވާތީ، އެ މައްސަލައިގައި ސިވިލް ކޯޓުން ބައްލަވަންވާނީ ހުސޫމާތް އުފެދިފައިވާ ނިންމުން ޑިސިޕްލިނަރީ ބޯޑުން ނިންމިއިރު އެ ބޯޑުގެ ކުރިމަތީގައި އޭރު ހުރި ހެކިތަކަށް ކަމަށްވާއިރު، ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ނިންމިއިރު ޑިސިޕްލިނަރީ ބޯޑުގެ ކުރިމަތީގައި އެވަގުތު ހުރި ހެކިތަކަށް ބަލާއިރު ޢަލީ ނަޝީދުގެ މައްޗަށް ތުހުމަތުކުރެވުނު އަމަލުގައި އޭނާ ބައިވެރިނުވުމަށްވުރެ ބޮޑަށް އެކަމުގައި އޭނާ ބައިވެރިވާކަމަށް ބުރަވެވޭ ހެކި ހުރިކަމަށް ގަބޫލުކުރެވެއެވެ. ފުލުހުންގެ ތަހުގީގަށް، ހާދިސާ ހިނގި ދުވަހާ ޖެހިގެން އައި ދުވަހު ޢަލީ ނަޝީދު ހާޒިރުކޮށް ސުވާލުކުރުމުން އޭނާ ދައްކާފައިވާ ވާހަކަތަކުގެ ވީޑިއޯ ރެކޯޑިންގއަށް ބަލާއިރު އެދުވަހު އޭނާ ބުނެފައިވަނީ ހާދިސާ ހިނގި ރޭ އޭނާ ނިދީ 02:45 އެހާއިރު ކަމަށާއި އޭނާ ނިދި އިރު އޭނާގެ އަތުގައި ފޯނު އޮތް ކަމަށާއި އޭނާ ނިދާފައި އޮއްވާ ފޯނު ކޯލެއް އެރޭ 4:30 އެހާއިރު އައިކަމަށާއި، އަދި މުޙައްމަދު ފަޔާޟްގެ އެ ކޯލަށް އޭނާއަށް ހޭލެވިގެން އޭނާއާ ވާހަކަ ދެއްކި ކަމަށެވެ. ނަމަވެސް އޭނާ ނިދާފައި އޮތް ކަމަށްބުނި ގަޑީގައި އޭނާ އޮތީ ނިދާފައިނޫންކަމާއި އޭނާ އުޅުނީ ތުހުމަތުކުރެވޭ އެހެން މީހުންނާއެކު ބޭރުގައި ކަމަށް ސާބިތުކުރަން ދައުލަތުގެ ފަރާތުން އޭނާގެ ކޯލް ޑީޓެއިލްސް އާއި އޭނާގެ ފޯނުގެ ސިގްނަލް ނަގާފައިހުރި ސެލް ޓަވަރުތަކުގެ ތަފްސީލު ސިވިލް ކޯޓަށް ހުށަހެޅުމުން، ޢަލީ ނަޝީދުގެ ފަރާތުން އޭނާގެ އަނބިމީހާގެ ކޮއްކޮ ޙަސަން ޖަބީން މުޙައްމަދު ހެއްކެއްގެ ގޮތުގައި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހަޅައި އޭނާ ނިދާފައި އޮތްކަމަށް ބުނާ ގަޑީގައި އޭނާގެ ފޯނު ގެންގުޅުނީ އޭނާގެ އަނބިމީހާގެ ކޮއްކޮ ކަމުގައި ބުނެފައިވީ ނަމަވެސް، އޭނާގެ އަނބިމީހާގެ ކޮއްކޮ ޙަސަން ޖަބީން މުޙައްމަދު ދިން ހެކިބަހުން، ޙަސަން ޖަބީން މުޙައްމަދު ސިވިލް ކޯޓުގައި ހެކިބަސްދީފައިވަނީ ހަގީގަތާ ހިލާފަށްކަމަށް ގަބޫލުކުރެވެއެވެ.

ސިވިލް ކޯޓުގެ ނަންބަރު 1518/Cv-C/2010 ގަޒިއްޔާގެ ޝަރީޢަތުގެ މަޖިލީހުގައި ހެކިބަސް ދެމުން ޙަސަން ޖަބީން މުޙައްމަދު ބުނެފައިވަނީ ޢަލީ ނަޝީދު އެރޭ ނިދަން ދިޔުމުން ޢަލީ ނަޝީދުގެ ފޯނު (ނަންބަރު 9998806، ޕޮލިސް ކޯޑު ނަންބަރު 71770) ގެންގުޅުނީ އޭނާ ކަމަށާއި، އެގޮތުން އެވަގުތު އައި 3 ކޯލުގެ ތެރެއިން 2 ކޯލަކަށް އޭނާ ޖަވާބު ދިން ކަމަށާއި، އެގޮތުން އެރޭ 03:45 އެހާއިރު އެ ފޯނު ހިފައިގެން އޭނާ ހުއްޓާ ހުސައިން ރިޝީފް ޠޯހާ (ފޯން ނަންބަރު 9991888، ޕޮލިސް ކޯޑް ނަންބަރު 99188) އެ ފޯނަށް ގުޅި ކަމަށާއި ފޯނު ނެގުމުން އެ ދެމީހުން އެހާބުރަކޮށް އުޅުނީމާ ޑިއުޓީ ނުޖެއްސުމަށް ބުނިކަމަށާއި، މި މެސެޖު އޭނާ ޢަލީ ނަޝީދަށް ދިން ކަމަށާއި، އެވަގުތު ޢަލީ ނަޝީދު އޮތީ ކޮޓަރީގެ އެނދުމަތީގައި ކަމަށާއި، އެވަގުތު އޭނާގެ އަންހެނުން ކޮޓަރީގައި ހުރި ކަމަށާއި، އޭގެ ފަހުން ޙަސަން ޖަބީން މުޙައްމަދު އެ ފޯނު ހިފައިގެން ގެއިން ބޭރުގައި އެރޭ އުޅެނިކޮށް ފަތިހުގެ ވަގުތެއްގައި މުޙައްމަދު ފަޔާޟު (ފޯން ނަންބަރު 9961446، ޕޮލިސް ކޯޑް ނަންބަރު 68340) އެ ފޯނަށް ގުޅިކަމަށާއި، މުޙައްމަދު ފަޔާޟު ގުޅާފައި އޭނާ ދަތުރަކު ދާން ބޭނުންވާތީ އެރޭ ޑިއުޓީ އޮފްކޮށް ދިނުމަށް އެދުނު ކަމަށެވެ. މި ހެކިވެރިޔާ މިހެން ބުނިކަމުގައި ވިޔަސް ޢަލީ ނަޝީދުގެ ފޯނަށް އޭނާ އެބުނާ ގަޑި ކަމުގައިވާ 03:45 ގައި ރިޝީފް ތޯހާ ގުޅާފައި ނެތްކަން އެ ފޯނުގެ ލޮގުތަކުން އެނގެއެވެ. އަދި މުޙައްމަދު ފަޔާޟު އެފޯނަށް ގުޅީ އެންމެ ފަހަރަކު ކަމަށް ބުނެފައިވާއިރު، އެރޭ ޢަލީ ނަޝީދު ނިދި ގަޑިކަމަށްބުނާ 02:45 އިން ފެށިގެން އެ ފޯނުން 10 ފަހަރު މުއާމަލާތު ކޮށްފައިވާކަމާއި އެންމެ ގިނައިން އެ ފޯނަށް ގުޅާފައިވަނީ މުޙައްމަދު ފަޔާޟު ކަން އެނގޭތީ، ޙަސަން ޖަބީން މުޙައްމަދުގެ ހެކިބަހުގައި އިތުބާރެއް ނެތެވެ. ރިޝީފް ތޯހާގެ ފޯނުން ޢަލީ ނަޝީދަށް އެރޭ އެންމެ ފަހުން ގުޅާފައި އޮތީ 01:55 ގައެވެ. އެރޭ 02:45 އިން ފެށިގެން އޭނާ އޮތީ ނިދާފައި ކަމަށާއި އެރޭ ދަންވަރު އޭނާގެ ފޯނު އޮތީ ޢަލީ ނަޝީދުގެ އަންހެނުންގެ ކޮއްކޮގެ އަތުގައި ކަމަށް ބުނާނަމަ، ޑިސިޕްލިނަރީ ބޯޑުން އެ މައްސަލަ ބެލިއިރު، އެކަން އެ ތަހުގީގަށް ޢަލީ ނަޝީދު ހާމަނުކޮށް، ފަހުން ސިވިލް ކޯޓަށް އޭނާގެ ފަރާތުން ހެކި ހުށަހަޅައި ކުށްކުރި ގަޑީގައި އޭނާ އޮތީ ގޭގައި ނިދާފައި ކަމަށް ބުނާ ބުނުމަކީ ޝަރީޢަތްކުރުމުގެ އުސޫލުތަކުގެ ދަށުން ގަބޫލުކުރެވޭނެ ވާހަކައެއް ނޫނެވެ. އަދި ޢަލީ ނަޝީދު ގެންގުޅޭ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރަށް ޢަލީ ނަޝީދުގެ ޑިޕާޓްމަންޓްގެ އިސްވެރިޔާ ގުޅުމުންނާއި އަދި އޭނާގެ ބެލުމުގެ ދަށުން މަސައްކަތްކުރާ ފުލުސް އޮފިސަރަކު ރަސްމީ މަސައްކަތާ ގުޅިގެން ޢަލީ ނަޝީދަށް ގުޅުމުން ޢަލީ ނަޝީދުގެ ބަދަލުގައި އެހެން މީހަކު ފޯނު ނެގުމުން ރަސްމީ ގޮތުން ބުނަންޖެހޭ ވާހަކަތައް ޙަސަން ޖަބީން މުޙައްމަދުއާ އެފަރާތްތަކުން ދައްކާފައިވާކަމަށް ޙަސަން ޖަބީން މުޙައްމަދު ގެ ހެކިބަހުގައި ބުނެފައިވާ ބުނުމަކީވެސް ގަބޫލުކުރެވޭ ވާހަކަތަކެއް ނޫނެވެ. މީގެ އިތުރުން ފުލުހުން ފުރަތަމަ ޢަލީ ނަޝީދުއާ ސުވާލުކުރުމުން އޭނާ ނިދާފައި އޮތް ކަމަށް ބުނާ ގަޑީގައި ފޯނު އޮތީ ޢަލީ ނަޝީދުގެ އަތުގައި ކަމަށް ބުނެފައިވާތީ އާއި، ފޯނުގެ ލޮގުތަކާއި ފޯނުގެ ސިގްނަލްތައް ނަގާފައިވާ ސެލް ޓަވަރުތަކުގެ ޑީޓެއިލް ރިޕޯޓަކީ އިތުބާރުހުރި އަދި ބަދަލުނުކުރެވޭނޭ ފޮރެންސިކް ހެކިތަކަކަށްވާއިރު އެ ފޮރެންސިކް ހެކި ތަކާއި ޙަސަން ޖަބީން މުޙައްމަދު ސިވިލް ކޯޓުގައި ދިން ހެކި ބަހާއި ފުށުއަރާއިރު، ފޮރެންސިކް ހެކިތަކުން ލިބޭ ދަލީލު ޙަސަން ޖަބީން މުޙައްމަދު ސިވިލް ކޯޓުގައި ދޭ ހެކިބަހުން ނަފީނުކުރެވޭނެއެވެ.

ޢަލީ ނަޝީދުގެ ނަންބަރު 9998806، (ޕޮލިސް ކޯޑު ނަންބަރު 71770) ފޯނުގެ ކޯލް ލޮގަށް ބެލުމުން އެ ފޯނުން، ރަޖިސްޓްރީ ނަމްބަރު AAOB S5241 ކަޅު ކުލައިގެ ކާރުގެ ތަޅުދަނޑި ހަވާލުކޮށްފައި އޮތް ޕޮލިސް ކޯޕްރަލް މުޙައްމަދު ފަޔާޟްގެ ފޯނުން (ފޯން ނަންބަރު 9961446، ޕޮލިސް ކޯޑް ނަންބަރު 68340) ޢަލީ ނަޝީދުގެ ފޯނަށް އެރޭ 02:34 ގައި ގުޅިކަމާއި، ޢަލީ ނަޝީދުގެ ފޯނުން މުޙައްމަދު ފަޔާޟްއަށް އެރޭ 02:45 ގައި ގުޅިކަމާއި، މުޙައްމަދު ފަޔާޟްގެ ފޯނުން އެރޭ 03:52، 03:53، 04:25، 04:26، 04:27 ގައި ޢަލީ ނަޝީދުއަށް ގުޅާފައިވާ ކަމާއި، އަދި ޢަލީ ނަޝީދުގެ ފޯނުން މުޙައްމަދު ފަޔާޟްއަށް 04:28 ގައި ގުޅާފައިވާކަން އެނގެއެވެ. އެއަށްފަހު އެދުވަހު ހެނދުނު 10:17 ގައި ޢަލީ ނަޝީދުގެ ފޯނުން މުޙައްމަދު ފަޔާޟްއަށް ގުޅާފައިވާކަން އެނގެއެވެ. އަދި އެރޭ މި ދެމީހުން މުއާމަލާތުކުރި ގަޑި ކަމުގައިވާ 04:27 އަދި 04:28 ގަޑީގައި ދެ މީހުންގެ ފޯނުގެ ސިގްނަލް ނަގާފައިވަނީ ޖެހިޖެހިގެން ހުރި ދެ ސެލް ޓަވަރުން ކަމާއި އެ ދެ ސެލް ޓަވަރަށް ދެމީހުންގެ ފޯނުގެ ސިގްނަލް ނަގަމުން ދިޔަކަންވެސް ދެމީހުންގެ ކޯލް ޑީޓެއިލްއިން އެނގެއެވެ. ގދ. ތިނަދޫ، ސަކީނާ މަންޒިލް، އާމިނަތު ޒިޔާދާ މާވެޔޮ މިސްކިތް ކައިރީ ހުއްޓާ ގަދަކަމުން ކާރަށް އަރުވައިގެން ކިޑްނެޕްކޮށްގެން ގެންގޮސް އޭނާއާ މެދު ބަދުއަހުލާގީ އަމަލުތައް އެ ކާރުގެ ތެރޭގައި ތިބެގެން ބަޔަކު ހިންގާފައިވަނީ އެރޭ 04:30 އާއި 05:00 އާ ދެމެދުގެ ވަގުތުގައި ކަމަށްވާއިރު، ޢަލީ ނަޝީދު ނިދާފައިވާ ކަމަށް ބުނެފައިވާ ގަޑީގައި، އެ ހާދިސާ ހިނގުމުގެ ކުޑައިރުކޮޅެއް ކުރިން މި އަމަލު ހިންގުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ޕޮލިސް ކޯޕްރަލް ޢަލީ ނަޝީދު އާއި ޕޮލިސް ކޯޕްރަލް މުޙައްމަދު ފަޔާޟު އެކަކު އަނެކަކަށް ގިނަ އަދަދަކަށް ގުޅާފައިވާކަން ފޯނުތަކުގެ ލޮގުތަކުން އެނގެއެވެ. އަދި ޕޮލިސް ކޯޕްރަލް ޢަލީ ނަޝީދު އާއި ޕޮލިސް ކޯޕްރަލް މުޙައްމަދު ފަޔާޟު އެކަކު އަނެކަކަށް މުއާމަލާތުކުރަމުން ދިޔައިރު، މި މައްސަލައިގައި ތުހުމަތުކުރެވޭ ހުސައިން ރިޝީފް ޠޯހާއަށް ކޯޕްރަލް މުޙައްމަދު ފަޔާޟުއާ ތަކުރާރުކޮށް ގުޅަމުން ގެންގޮސްފައިވުމުން، މިއީ މި މީހުން ރާވައިގެން ހިންގާފައިވާ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.

ހުސައިން ރިޝީފް ޠޯހާ (ފޯން ނަންބަރު 9991888، ޕޮލިސް ކޯޑް ނަންބަރު 99188) ގެ ފޯނުގެ ކޯލް ލޮގަށް ބެލިއިރު، އޭނާ އެރޭ ޢަލީ ނަޝީދުއަށް 01:55 ގައި ގުޅާފައިވާ ކަމާއި، ގދ. ތިނަދޫ، ސަކީނާމަންޒިލް، އާމިނަތު ޒިޔާދާ މާވެޔޮ މިސްކިތް ކައިރީ ހުއްޓާ ގަދަކަމުން އަރުވައިގެން ގެންދިޔަ ރަޖިސްޓްރީ ނަމްބަރު AAOB S5241 ކަޅު ކުލައިގެ ކާރުގެ ތަޅުދަނޑި ހަވާލުކޮށްފައި އޮތް ޕޮލިސް ކޯޕްރަލް މުޙައްމަދު ފަޔާޟް އަށް 02:55، 03:43، 03:45، 04:08، 04:17 ގައި ގުޅާފައިވާކަމާއި، އަދި އެ ހާދިސާ ހިނގަމުން ދިޔަކަމަށް ގަބޫލުކުރެވޭ ގަޑި ކަމުގައިވާ 04:33، 04:34، 04:37، 04:40، 04:41، 04:41، 04:44، 04:45، 04:49، 04:58، 05:19، 05:31، 05:36 ގައި މި މައްސަލައިގައި ބައިވެރިވިކަމަށް ފުލުހުންގެ ތަހުގީގަށް ގަބޫލުކުރެވުނު ހުސައިން ރިޝީފް ޠޯހާ ގުޅާފައިވާކަން އެނގެއެވެ.

ގދ. ތިނަދޫ، ސަކީނާމަންޒިލް، އާމިނަތު ޒިޔާދާ މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 2010 އޮގަސްޓު 7 ގައި ދީފައިވާ ބަޔާނުގައި ބުނެފައިވަނީ، އޭނާ އެ ކާރަށް އެރުވިތާ ކުޑައިރުކޮޅެއް ފަހުން އޭނާގެ ކަނާއަތް ފަރާތުގައި ހުރި މީހާއަށް ފޯނެއް އައުމުން އެ އަންހެން މީހާ ކާރަށް ނަގައިފިކަމަށް އެ ފޯނު ކުރިމީހާ ގާތުގައި ބުނިކަމަށާއި، އޭނާ ކާރަށް އެރުވީއްސުރެ ކާރުން ބޭލުމާ ހަމައަށް ކާރު ތެރޭގައި އިން ޑްރައިވަރު ފިޔަވައި ދެންތިބި ތިން މީހުން އެމީހުންނަށް އައި ފޯނު ކޯލުތަކުގަ އާއި އެ މީހުން ކުރި ފޯނުތަކުގައި ކޮންމެވެސް މީހަކާ ވާހަކަ ދައްކަމުން ގެންދިޔަކަމަށާއި، އެމީހުން ވާހަކަ ދައްކަމުން ގެންދިޔަމީހާއަށް ކާރުގެ ތެރޭގައި އޭނާއާމެދު އެމީހުން ކަންކުރަމުން ގެންދިޔަ ގޮތް ކިޔައި ދެމުން ގެންދިޔަކަމަށެވެ.

ހާދިސާ ހިނގިކަމަށް ބެލެވޭ ގަޑީގައި ކާރުގައި ތިބި މީހުންގެ ފޯނު ކޯލުތަކަކަށް ޖަވާބު ދިންކަމަށާއި، އަދި ކާރު ޕާރކްކުރި ގަޑީގައި އާމިނަތު ޒިޔާދާ ގޮވައިގެން ފަރީދީ މަގުން ގޮސް އެ މަގުގެ ވައަތްފަޅީގައި ޕާރކްކޮށްފައި އޮތް ރަތްކުލައިގެ ކާރުގެ ފަހަތުގައި ކާރު މަޑުކުރަނިކޮށް ފޯނުން ކޮންމެވެސް މީހެއްގެ ގާތުގައި މިހާރު މިއޮތީ ތިގޭ ކައިރީ އޮތް ރަތް ކާރުގެ ފަހަތުގައިކަމަށް ބުނިކަމަށް ބުނާތީއާއި، ކާރު ޕާރކްކުރުމަށް ފަހު ކާރުން އާމިނަތު ޒިޔާދާ ބޭލި ގަޑީގައި ކާރު މަޑުކުރިއިރު ވިންޑް ސްކްރީނުން މަގުގެ ކަނައަތްފަޅީގައި ހުރި މަޑު ފެހިކުލަ ލާފައި ހުރި ބިލްޑިންގގެ މަތިން (ދެ އޭސީ ހަރުކޮށްފައި ހުރި ފްލޯއިން) އަލިއެޅިފައި ހުރިކަމަށާއި އާމިނަތު ޒިޔާދާ ކާރުން ނެރުނު ވަގުތު އެލުމިނިއަމް ދޮރެއް ކަހާލި އަޑު އިވިގެން އަލިވެފައިހުރި ދިމާއަށް ބަލާލިއިރު އެތަނުގައި މީހަކު ހުރި ކަމަށާއި، މ. ހަނިފަރުގޭ ގޯޅިގަނޑުގެ އިރަށް އޮތް ގޯޅި ކުރިމައްޗަށް އާމިނަތު ޒިޔާދާ ގެންގޮސް، އާމިނަތު ޒިޔާދާ ނަގައި ގޯޅިގަނޑު ކައިރީ ހުރި ވެލިބަސްތާ ތައް މައްޗަށް ވައްޓާލި ކަމަށާއި ކާރުން ނެރެގެން ގެންގޮސް ވައްޓާލުމާއި ދެމެދުގެ ވަގުތުގައި އެލުމީނިއަމް ދޮރު ކައިރީ ހުރި މީހާ އެތެރެއަށް ވަދެ ނުކުމެ ހަދަމުން ދިޔަކަމަށް ބުނާތީ، މިކަމަކީ ހުސައިން ރިޝީފް ޠޯހާ ފޯނުކޮށްގެން ހުސައިން ރިޝީފް ޠޯހާގެ އެންގުމުގެ މަތިން ކުރިކަމެއް ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުގެ ތަހުގީގަށް ގަބޫލުކުރެވިފައިވެއެވެ.

ކާރުގައި ތިބިކަމަށް ބެލެވޭ މީހުންގެ ތެރެއިން ހުޝާމް ހަމީދު އަދި މުޙައްމަދު ފަޔާޟުއަށް ހުސައިން ރިޝީފް ޠޯހާ ގުޅާފައި ހުރިއިރު، ޓެލެކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އިން ކޯލް ޑީޓެއިލްސްގެ ލޮކޭޝަން ބެލި ބެލުމުން ކާރު ދަތުރުކޮށްފައި ހުރިކަމަށް އާމިނަތު ޒިޔާދާ ބުނާ މަގުތަކާ ހާދިސާ ހިނގި ވަގުތުގެ ކޯލް ތަކުގެ ލޮކޭޝަނާ ދިމާވާކަންވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ފާހަގަކުރެވިފައިވެއެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ޢަލީ ނަޝީދު ވަކިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމެވިއިރު، ޢަލީ ނަޝީދުގެ މައްޗަށް ކުރެވުނު ތުހުމަތުގެ މައްޗަށް ބިނާކޮށް ޢަލީ ނަޝީދު އާމެދު ފިޔަވަޅުއަޅާނެ ސަބަބުތަކެއް ނުވަތަ އެ ކުށާ ޢަލީ ނަޝީދުއާ ގުޅުވައިދޭނެ ހެއްކެއް ނެތް ކަމަށާއި، އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑުގެ ކުރިމަތީގައި ނެތްކަމަށް ސިވިލް ކޯޓުގެ ނަންބަރު 1518/Cv-C/2010 ގަޒިއްޔާގައި އާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/243 ގަޒިއްޔާގައި ސިވިލް ކޯޓުންނާއި ހައިކޯޓުން ވިދާޅުވި ނަމަވެސް، އިސްވެ މި ފާހަގަކުރި ހަގީގަތްތަކަށް ބަލާއިރު، ޢަލީ ނަޝީދު އާއި ޢަލީ ނަޝީދުގެ އިތުރުން ރަޖިސްޓްރީ ނަމްބަރުAAOB S5241 ކަޅު ކުލައިގެ ޕޮލިސް ކާރުގައި އެ ހާދިސާ ހިނގިވަގުތު ތިބިކަމަށް ގަބޫލުކުރެވޭ މީސްމީހުންނާ ޢަލީ ނަޝީދު އެ ހާދިސާ ހިނގުމުގެ ކުރިން ފޯނުން ކޮށްފައިވާ މުއާމަލާތުތަކުންނާއި، ޢަލީ ނަޝީދު އެރޭ ނިދާފައި އޮތް ކަމަށް އޭނާ ބުނާ ގަޑީގައި ޢަލީ ނަޝީދު ގެންގުޅޭ މޮބައިލް ފޯނުން ކޮށްފައިވާ ފޯނު ކޯލުތަކުގެ ސިގުނަލް ނަގާފައިވާ ސެލް ޓަވަރުތަކުގެ ޑީޓެއިލް ރިޕޯޓުން، އެ ކުށްކުރުމުގައި ޢަލީ ނަޝީދު ބައިވެރިވެފައިވާ ކަމަށް ބެލެންސް އޮފް ޕްރޮބަބިލިޓީގެ މިންގަނޑުން ގަބޫލުކުރެވެއެވެ.

އެހެންކަމުން، މި ގަޒިއްޔާގައި އިސްތިއުނާފު ރައްދުވާ ޢަލީ ނަޝީދު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ ގާނޫނާ ޚިލާފަށްކަމަށް ބޮޑަށް ގަބޫލުކުރެވޭ މިންގަނޑުން (ބެލެންސް އޮފް ޕްރޮބަބިލިޓީ) ސާބިތުވާ މިންވަރަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ކުރި ތަހުގީގަށް ހެކި ލިބިފައިވާތީ އާއި އެ ހެކިތަކުގެ މައްޗަށް ރިއާޔަތްކުރާއިރު، ޢަލީ ނަޝީދު އެ ބޯޑަށް ޖަވާބުދާރީވުމުގައި ދައްކާފައިވާ ވާހަކަތަކާ ފުށުއަރާތީ އާއި، ކަމުގެ އަސްލު އޮޅުވާލައި މުޅި މައްސަލައިގެ ހަގީގަތް ފެބްރިކޭޓްކުރަން މަސައްކަތްކޮށްފައިވާ ކަމަށް އެ ބޯޑަށް ގަބޫލުކުރެވޭތީ އާއި، މިއީ އޭރު އަމަލުކުރެވުންދިޔަ ގާނޫނު ނަންބަރު 66/1 (ދިވެހިރާއްޖޭގެ ގާނޫނުލްއުޤޫބާތު) ގެ 3 ވަނަ ޗެޕްޓަރު ގެ 62 ވަނަ މާއްދާގެ ދަށުން ކުށެއްކަމަށް ބެލެވޭ އަމަލެއް ކަމަށްވާއިރު، ފުހުލުންގެ ތަހުގީގަށް އޮޅުވާލައި ދޮގު މައުލޫމާތު ދީ، ދޮގުހެކި ދިން މީހަކު މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ ތަނެއްގެ ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުންކުރާ އިތުބާރާއި ޔަގީންކަން ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް އެ ބޯޑަށް ގަބޫލުކުރެވިގެންކަން އެނގެއެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަން އެހެންހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1518/Cv-C/2010 ގަޒިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ހުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/243 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ހުކުމަކީ ގާނޫނާ އެއްގޮތަށް ކުރައްވާފައިވާ ހުކުމްތަކެއް ކަމަށް އަހުރެންނަށް ނުފެނެއެވެ. އަދި ޕޮލިސް ކޯޕްރަލް ޢަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، އަދި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ގަބޫލުކުރެވޭތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) އާއި ހަވާލާދީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ފުލުހުންގެ ވަޒީފާއިން ޢަލީ ނަޝީދު ވަކިކުރުމަށް އެ ބޯޑުން ނިންމެވި ނިންމެވުމަކީ ގާނޫނާ ގަވާއިދާ އެއްގޮތަށް ނިންމަވާފައިވާ ނިންމެވުމެއްކަމަށް ފެނެއެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު:

ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު އާއިޝާ ޝުޖޫން މުޙައްމަދު

ފަނޑިޔާރު ހުސްނުއްސުޢޫދުގެ ރަޢުޔަށް އަހުރެން ތާއީދު ކުރަމެވެ.

ހުކުމް

ދެންފަހެ، އިސްވެ ބަޔާންކުރެވުނު ކަންކަން އެހެންހުރުމުން، ސިވިލް ކޯޓުގެ ނަންބަރު 1518/Cv-C/2010 ގަޒިއްޔާގައި ސިވިލް ކޯޓުން ކުރައްވާފައިވާ ހުކުމާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2011/HC-A/243 ގަޒިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ކުރައްވާފައިވާ ހުކުމް ބާތިލުކޮށް، ޕޮލިސް ކޯޕްރަލް ޢަލީ ނަޝީދު ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އާއި، ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ގަބޫލުކުރެވޭތީ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) އާއި ހަވާލާދީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ފުލުހުންގެ ވަޒީފާއިން ޢަލީ ނަޝީދު ވަކިކުރުމަށް އެ ބޯޑުން ނިންމެވި ނިންމެވުން ނިންމަވާފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށްކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމްކުރީ

އަޒްމިރާލްދާ ޒާހިރު ޙުސްނުއްސުޢޫދު ޢާއިޝާ ޝުޖޫން މުޙައްމަދު

(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ