ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/14ސުޕްރީމް ކޯޓު · 30 އޮގަސްޓް 2020

—

ސުޕްރީމް ކޯޓު
44 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 30 އޮގަސްޓް 2020ބާވަތް: ވަޒީފާއާބެހޭ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2017/SC-A/14

އިސްތިއުނާފު ކުރާ ފަރާތް:

ބޭންކް އޮފް މޯލްޑިވްސް ޕލކ (ރަޖިސްޓްރީ ނަންބަރު C-22/1982

އިސްތިއުނާފު ރައްދުވާ ފަރާތް:

ފާޠިމަތު މަލީޙާ ޖަމާލް

މައްސަލައިގެ ބާވަތް:

ވަޒީފާއާބެހޭ

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

16 ޖަނަވަރީ 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:

23 މެއި 2017ނިމުނު ތާރީޚު:

30 އޮގަސްޓް 2020

މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު، ފަނޑިޔާރު ޙުސްނުއްސުޢޫދުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2015/HC-A/77

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

15 ފެބްރުއަރީ 2015ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

01 ޑިސެމްބަރ 2016

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)

ތަޢާރުފު

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/77 ޤަޟިއްޔާ އިސްތިއުނާފު ކުރުމަށްޓަކައި ބޭންކް އޮފް މޯލްޑިވްސް ޕލކ (ރަޖިސްޓްރީ ނަންބަރު: C-22/1982) (މީގެ ފަހުން "އިސްތިއުނާފު ކުރާ ފަރާތް" ނުވަތަ "ބޭންކް އޮފް މޯލްޑިވްސް") ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން، މި ކޯޓުން ބެލި އިސްތިއުނާފީ މައްސަލައެކެވެ. މި ޤަޟިއްޔާގައި ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ކަމަކީ، ޏ.ފުވައްމުލައް، ދޫނޑިގަން / ފާޠިމަތު މަލީޙާ ޖަމާލް (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "ފާޠިމަތު މަލީޙާ ޖަމާލް") ބޭންކް އޮފް މޯލްޑިވްސްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކުރީ ޤާނޫނާ އެއްގޮތަށްކަން ނުވަތަ ނޫންކަމެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން

ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) އާއި ބޭންކްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރއާ ޚިލާފަށް ކަމަށް ބުނެ، އަދާކުރަމުންދިޔަ ވަޒީފާ އަލުން ލިބިދިނުމަށާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި 2,200,000/-ރ. (ދެމިލިއަން ދެލައްކަ ރުފިޔާ) ނަގައިދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސްގެ މައްޗަށް ރައްދުވާގޮތަށް 17 ސެޕްޓެންބަރު 2013 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލް (މީގެ ފަހުން "ޓްރައިބިއުނަލް") އަށް ފާޠިމަތު މަލީޙާ ޖަމާލް މައްސަލައެއް ހުށަހަޅާ، އެ މައްސަލަ ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2013 މައްސަލައިގެ ގޮތުގައި ހިންގާފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލްގައި ބުނެފައިވަނީ، ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކޮށްފައިވަނީ ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރިކަން އަންގާފައިވާ ލިޔުމުގައިވާ ފަދައިން، އެ ސިޓީގައި ބަޔާންކޮށްފައިވާ ސަބަބުތައް މެދުވެރިވެގެން، ބޭންކް އޮފް މޯލްޑިވްސް ރަނގަޅު ގޮތުގައި ހިންގުމާއި ގުޅިފައިވާ އެކަށީގެންވާ ސަބަބާހުރެ، އަދި ފާޠިމަތު މަލީޙާ ޖަމާލް އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކުން ބަލާއިރު ކުރެވޭނެ ކަމެއްކަމަށް ބޭންކް އޮފް މޯލްޑިވްސްއަށް ނުފެންނާތީ ކަމަށެވެ.

ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2013 މައްސަލައިގައި އެ ޓްރައިބިއުނަލުން ނިންމާފައިވަނީ ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއްނެތި، ވަޒީފާއާބެހޭ ޤާނޫނާ ޚިލާފަށްކަމަށާއި، ފާޠިމަތު މަލީޙާ ޖަމާލްގެ ފަރާތުން ވަޒީފާ ބޭނުންކަމަށް ބުނެފައިވާތީ، އޭނާ އަދާކުރަމުންދިޔަ ވަޒީފާގައި ބެހެއްޓުމަށް ނުވަތަ އޭނާ އަދާކުރަމުންދިޔަ ވަޒީފާގެ މަޤާމާ އެއް ދަރަޖައިގެ ވަޒީފާއެއް ހަމަޖައްސައި ދިނުމަށާއި، އޭނާ އަކީ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި، ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރިކަމަށް ބުނާ ތާރީޚުން ފެށިގެން (ޓްރައިބިއުނަލްގެ) މައްސަލަ ނިމުނު ދުވަހާ ހަމައަށް، މުސާރަ އާއި ޢިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާ 30 ނޮވެންބަރު 2014 އިން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި އެކީ އެއްފަހަރާ ފާޠިމަތު މަލީޙާ ޖަމާލަށް ދިނުމަށްފަހު، އެކަން ހަމަޖެހޭތާ 07 (ހަތެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމުން ވަޒީފާއާބޭހޭ ޓްރައިބިއުނަލަށް އެންގުމަށް ބޭންކް އޮފް މޯލްޑިވްސް އަށް އަންގާ އަމުރުކޮށެވެ.

އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ޓްރައިބިއުނަލުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ޓްރައިބިއުނަލްގެ ނަންބަރު 159/VTR/2013 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

އެކޮމަޑޭޝަންއަށް ޚަރަދުކުރި ފައިސާ ހޯދުމަށް އެދި ފާޠިމަތު މަލީޙާ ޖަމާލް ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާ އެކޮމޮޑޭޝަން އިންވޮއިސް އަކީ ފާޠިމަތު މަލީޙާ ޖަމާލް އާ އެކީ ބައިވެރިވި ދެ މުވައްޒަފުންގެ އެކޮމަޑޭޝަން ބިލް ހިމެނޭގޮތަށް ހުށަހަޅާފައިވާ އިންވޮއިސްއެއްކަމާއި، ފާޠިމަތު މަލީހާ ޖަމާލްގެ ފަރާތުން އެ އިންވޮއިސް ހުށަހަޅާފައިވަނީ އޭނާއާއެކު ޓްރެއިނިންގް ޕްރޮގްރާމުގައި ދެން ބައިވެރިވި މުވައްޒަފުންގެ މެދުގައި ވާހަކަ ދެކެވި އެއްބަސްވެގެންކަން ފާޠިމަތު މަލީޙާ ޖަމާލްގެ އެކި އީމެއިލްތަކުން ބޭންކް އޮފް މޯލްޑިވްސްއަށް މަޢުލޫމާތު ދީފައިވާކަން؛

ޓްރެއިނިންގް ޕްރޮގްރާމު ފުރިހަމަ ކުރަމުން ދިޔައިރު، (ބަޔާންކުރެވުނު އެކޮމޮޑޭޝަން އިންވޮއިސް ހުށަހެޅުމުގެ ކުރިން) ހޮޓެލްއަށް ފައިސާ ދެއްކުމާ ގުޅޭގޮތުން އަދި ހޮޓެލްއަށް ފައިސާ ދެއްކުމަށްޓަކައި ފައިސާގެ ދަތިތަކެއް ހުރުމުން، ފާޠިމަތު މަލީޙާ ޖަމާލްގެ ކާޑުގެ ލިމިޓް އިތުރުކޮށްދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފަކާއި 16 އޮގަސްޓް 2012 ގައި އީމެއިލް މެދުވެރިކޮށް އޭނާ މުޢާމަލާތް ކޮށްފައިވާކަމާއި، ފާޠިމަތު މަލީޙާ ޖަމާލްގެ އެދުމަކީ 3 (ތިނެއް) މީހުންގެ ހޮޓެލް ބިލް ދެއްކުމަށްޓަކައި އޭނާގެ ކްރެޑިޓް ލިމިޓް އިތުރުކޮށްދިނުންކަން އެނގޭކަން؛

11 ސެޕްޓެންބަރު 2012 ގައި ހުސައިން ނަޢީމް އަށް ފާޠިމަތު މަލީޙާ ޖަމާލް ފޮނުވާފައިވާ އީމެއިލްގައި ޓްރެވެލް އެޖެންޓް މެދުވެރިކޮށް ހޮޓެލް ބިލަށް ދެއްކި ފައިސާގެ ބިލާއި (ހޮޓެލް އިންވޮއިސް)، ކްރެޑިޓް ކާޑުން ފައިސާގެ މުޢާމަލާތްކޮށްފައިވާ ލިޔުންތައް ފޮނުވާފައިވާ ކަމަށާއި ސްރީލަންކާގެ ސިނަމަން ހޮޓެލްގައި ތިބުމުގެ އިންތިޒާމް (ހޮޓެލް ރިޒަވޭޝަން) ހަމަޖެއްސުމުގައި ކަންހިނގާފައިވާ ގޮތުގެ ތަފްސީލާއި ބިލްގައިވާ (ހޮޓެލް އިންވޮއިސް) ފައިސާ ފާޠިމަތު މަލީޙާ ޖަމާލްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް އެދިފައިވާއިރު، ބިލްގައިވާ ފައިސާ 03 (ތިނެއް) މީހުން ދެއްކިގޮތް އަދި ބަހާލެވިފައިވާ ގޮތް ބަޔާންކޮށްފައިވާކަން އެނގޭކަން؛

ފާޠިމަތު މަލީޙާ ޖަމާލް ބޭންކް އޮފް މޯލްޑިވްސްއަށް އޮޅުވާލުމާއި ޞައްޙަ ނޫން މަޢުލޫމާތު ހިމެނޭ "ފައިސާގެ ބިލް" އެއް ހުށަހަޅާފައިވާތީ، ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވެންސް ޕްރޮސީޖަރގެ ދަށުން އިޞްލާޙީ ފިޔަވަޅެއްގެ ގޮތުން "އެންމެ ފަހުގެ އިންޒާރު" ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރު HR/CDL/009/2013 (24 މާރިޗު 2013) ސިޓީން ދީފައިވާކަމާއި، ބޭންކް އޮފް މޯލްޑިވްސްގެ އެ ނިންމުމާމެދު ހިތްހަމަ ނުޖެހިގެން ފާޠިމަތު މަލީޙާ ޖަމާލް އެކަން އަލުން ބަލައިދިނުމަށް އެދި 26 މާރިޗު 2013 ގައި ހުށަހެޅިކަމާއި، އެ ހުށަހެޅުމާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސްގެ ނަންބަރުHR-1055/2013 (30 މެއި 2013) ގެ ސިޓީން، ބޭންކުގެ ނިންމުމަށް ބަދަލުގެންނަން ޖެހޭނެތަނެއް ނެތްކަމަށް ދެކޭ ކަމަށާއި ބޭންކުގެ އެ ނިންމުން ބަދަލުކުރަން ޖެހޭނެތަނެއް ނެތަތީ، ބޭންކުގެ އެ ނިންމުން އެ ގޮތުގެމަތިން ދަމަހައްޓަން ނިންމާފައިވާކަން؛

05 ޖޫން 2013 ގައި ބޭންކުގެ ފަރާތުން ފޮނުވާފައިވާ ނަންބަރު HR-1055/2013 (ޝޯ ކޯޒް ލެޓަރ ނުވަތަ Show Cause Letter) ސިޓީގައި ފާހަގަކޮށްފައިވަނީ، ކުރިންވެސް ފާޠިމަތު މަލީޙާ ޖަމާލްއާމެދު ތުހުމަތު ކުރެވިފައިވާ ކަންކަންކަމަށާއި، އެފަދަ ސިޓީއެއް ފޮނުވަންޖެހޭ އެއްވެސް ޞައްޙަ ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ދެއްކިފައިނުވާކަން؛

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހަމައެކަނި ހުށަހަޅާފައިވާ ލިޔުމަކީ، 19 ނޮވެންބަރު 2012 ގައި ސިނަމަން ހޮޓެލްގެ ލޮބީ މެނޭޖަރ ބޭންކަށް ފޮނުވާފައިވާ އީމެއިލް ކަމާއި، މިއީމެއިލްއަކީ ފާޠިމަތު މަލީޙާ ޖަމާލަށް 24 މާރިޗު 2013 ގައި އެންމެ ފަހުގެ އިންޒާރުދިން އިރުވެސް ބޭންކަށް ލިބިފައިވާ ލިޔުމެއްކަން އެ ލިޔުމުގެ ތާރީޚާއި އިންޒާރުދިން ތާރީޚަށް ބެލުމުން އެނގޭތީ، އިސްތިއުނާފު ރައްދުވާ ފަރާތް ހަމަ މުސާރައާއެކު ވަޒީފާއަށް ނުނިކުމެވޭގޮތަށް ސަސްޕެންޑް ކުރުމަކީ މަޤްބޫލު ސަބަބެއް ނުވަތަ އެކަށީގެންވާ އަސާސެއްގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ނޫންކަން؛

ފާޠިމަތު މަލީޙާ ޖަމާލް ހުށަހަޅާފައިވާ ފައިސާގެ ބިލް ނުވަތަ ހުށަހަޅާފައިވާ ކަންކަމަކީ ރަނގަޅު ނޫން މަޢުލޫމާތުކަން ސާބިތުކޮށްދިނުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން 19 ނޮވެންބަރު 2012 ގެ (ސިނަމަން ހޮޓެލްގެ ލޮބީ މެނޭޖަރ ބޭންކަށް ފޮނުވާފައިވާ) އީމެއިލް ހުށަހަޅާފައިވާއިރު، ފާޠިމަތު މަލީޙާ ޖަމާލް ސިނަމަން ގްރޭންޑް ހޮޓެލްއަށް ކުރި އީމެއިލްއަކާ ގުޅިގެން، އެހޮޓެލްގައި ތިބޭ ކަސްޓަމަރުންގެ މަޢުލޫމާތަކީ ހާމަކުރެވޭނެ މަޢުލޫމާތެއް ނޫންކަމަށް ބުނެ އެ ހޮޓެލްގެ ފްރަންޓް އޮފީސް މެނޭޖަރ ފޮނުވާފައިވާ އީމެއިލް އެއް ފާޠިމަތު މަލީޙާ ޖަމާލް ހުށަހަޅާފައިވާތީ، މި ދެ ލިޔުމަށް ރިޢާޔަތްކޮށް (19 ނޮވެންބަރު 2012 ގައި ސިނަމަން ހޮޓެލް ލޮބީގެ މެނޭޖަރ) ބޭންކަށް ފޮނުވާފައިވާ މެއިލްއަށް ބުރަދަން ދިނުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރިކަން؛

ޝޯ ކޯޒް ލެޓަރ ފޮނުވައި އިތުރަށް މައްސަލަ ބެލިބެލުމުން އިތުރު ކަންތައްތަކެއް ބޭންކަން ފާހަގަކުރެވިފައިވާ ކަމަށް ބުނެ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކޮށްފައިވީ ނަމަވެސް، "އެންމެ ފަހުގެ އިންޒާރު" ދިން ފަހުން ފާހަގަކުރެވުނު އިތުރުކަމެއް ފާހަގަކޮށްފައިނުވާކަން އަދި ފާޠިމަތު މަލީޙާ ޖަމާލާ އެކު އެޕްލައިޑް ޓްރޭޑް ފައިނޭންސް ޕްރޮގްރާމުގައި ބައިވެރިވި ބޭންކުގެ ދެ މުވައްޒަފުންގެ ބަހެއް ހޯދާފައިނުވާކަން؛

އިތުރު އިޞްލާޙީ ފިޔަވަޅެއް އަޅަންވާނީ އޭނާގެ ކިބައިން އިތުރު ކަމެއް ނުވަތަ އެހެން އައު ކަންތައްތަކެއް ފެނިގެންކަމާއި މައްސަލަ ހުށަހެޅި ފަރާތަށް އިޞްލާޙީ ފިޔަވަޅެއް އެޅުމަށްފަހު، އެހެން އައު ކަމެއް އޭނާގެ ފަރާތުން ފެނިގެން މެނުވީ އިޞްލާޙީ ފިޔަވަޅެއް އަޅާފައިވާ ކަމެއްގެ މައްޗަށް އިތުރު ފިޔަވަޅެއް އެޅުމަކީ އެންމެ އިންޞާފުވެރިގޮތް ނޫންކަން؛ އަދި

ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނެތުން.

އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ޓްރައިބިއުނަލުގެ ނަންބަރު 159/VTR/2013 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ، އެ ނިންމުން އިސްތިއުނާފުކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/77 ޤަޟިއްޔާއިން ބަލާފައިވެއެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/77 ޤަޟިއްޔާ ނިންމާފައިވަނީ ޓްރައިބިއުނަލުގެ ނަންބަރު 159/VTR/2013 މައްސަލައިގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑަޅައި، އެ ކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/77 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

ބޭންކް އޮފް މޯލްޑިވްސް ގައި ފާޠިމަތު މަލީޙާ ޖަމާލް އަދާކުރަމުންދިޔަ ވަޒީފާއިން24 ޖޫން 2013 ގައި ވަކިކޮށްފައިވަނީ، ބޭންކާއި ފާޠިމަތު މަލީޙާ ޖަމާލްއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބައެއްކަމުގައި ހިމެނޭ ޑިސިޕްލިނަރީ އެންޑް ގްރީވެންސް ޕްރޮސީޖަރ އާ ޚިލާފު ޢަމަލެއް ފާޠިމަތު މަލީޙާ ޖަމާލް ކުރުމާ ގުޅިގެން، 24 މާރިޗު 2013 ގައި އެ ފަރާތަށް "އެންމެ ފަހުގެ އިންޒާރު" ދީ، 2012 ވަނަ އަހަރުގެ މުސާރައިގެ ކުރިއެރުމާއި، އެ އަހަރުގެ ވަޒީފާގެ ކުރިއެރުމާއި، އަދި ޕާރފޯމަންސް ރިލޭޓެޑް ބޯނަސް ހިފެހެއްޓުމާ ގުޅިގެން، ބޭންކުގެ އެ ނިންމުން ފާޠިމަތު މަލީޙާ ޖަމާލްގެ ފަރާތުން ހިއުމަން ރިސޯސް ޑިޕާޓްމަންޓުގެ ޑިރެކްޓަރަށް 26 މާރިޗު 2013 ގައި އިލްތިމާސްކުރުމާ ގުޅިގެންކަން ދެފަރާތުގެ ބަހުންނާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކުން އެނގެން އޮތުން؛

އިސްތިއުނާފުކުރާ ފަރާތަކަށް، އެ އިސްތިއުނާފުކުރި ނިންމުމުގައި ކަނޑައެޅިފައިވާ ނިންމުމަށްވުރެ "ބަރު" (worse position) ނިންމުމެއް، އެ އިސްތިއުނާފީ ނިންމުމުގައި ކަނޑަނޭޅުމުގެ އުޞޫލަކީ، ޝަރީޢަތުން ޢަމަލު ކުރަމުން އަންނަ ފިޤުހީ ޤާޢިދާއެއްކަމާއި އެގޮތުން، prohibition of reformation in peius ޤާޢިދާއަށް ޢަމަލުކުރުމުގެ އުޞޫލަކީ ކުރިއަރާފައިވާ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައިވެސް ލިޔެވި ޢަމަލުކުރެވެމުން އަންނަ އުޞޫލެއްކަމާއި، މި ޤާޢިދާ މިގޮތަށް ކަނޑައެޅިފައިވާ އެންމެ މުހިއްމު އެއް ސަބަބަކީ، ޤާނޫނުން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުންކަން އެނގެން އޮތުން؛

ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވެންސް ޕްރޮސީޖަރގެ ސްޓެޕް 5 ގައި، މުވައްޒަފަކާމެދު އަޅާފައިވާ ފިޔަވަޅަކާމެދު ހިތްހަމަނުޖެހޭނަމަ، އެކަން އިލްތިމާސްކޮށް ބޭންކުގެ ހިއުމަން ރިސޯސް ޑައިރެކްޓަރަށް ހުށަހެޅޭނެކަމަށާއި، އަދި ހިއުމަން ރިސޯސް ޑިރެކްޓަރަށް ހުށަހެޅުމުން އެޕީލްގެ މައްސަލަ ބަލާނީ ހިއުމަން ރިސޯސްގެ ޑައިރެކްޓަރ ނުވަތަ އޭނާ ޢައްޔަންކުރާ ފަރާތެއްކަމަށް ބަޔާންކޮށްފައި އޮންނަކަމާއި، އިލްތިމާސްއިން ނިންމާގޮތަކީ އެންމެ ފަހުގެ ނިންމުންކަން އެނގެން އޮންނައިރު، ފާޠިމަތު މަލީޙާ ޖަމާލްއާ މެދު އެޅި ފިޔަވަޅު އިލްތިމާސްކުރުމުން 30 މެއި 2013 ގައި އެ މައްސަލަ ބަލައި ކުރިން އެޅިފިޔަވަޅަށް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ހިއުމަން ރިސޯސް ޑިރެކްޓަރު އެންގި ކަމަށް ފާޠިމަތު މަލީޙާ ޖަމާލް ބުނާބުނުމަށް، ބޭންކް އޮފް މޯލްޑިވްސް އިން އިންކާރުކޮށްފައި ނެތްކަން އެނގޭތީ، އެފަދައިން ނިންމި ނިންމުމަކީ ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގައި ބުނާފަދަ ފަހުގެ ނިންމުންކަން އެނގެން އޮތުން؛ އަދި

24 ޖޫން 2013 ވަނަ ދުވަހު ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކޮށްފައިވަނީ، ބޭންކުން އޭނާއާ މެދު އަޅާފައިވާ ފިޔަވަޅާމެދު ހިތްހަމަނުޖެހިގެން، އެ ނިންމުން ފާޠިމަތު މަލީޙާ ޖަމާލްގެ ފަރާތުން އިސްތިއުނާފުކުރުމާ ގުޅިގެން، ބޭންކް އޮފް މޯލްޑިވްސްގެ އެ ފިޔަވަޅު (ނިންމުން) ރިވިއު ކުރުމަށްފަހުކަން، މި މައްސަލައާ ގުޅިގެން 17 ނޮވެންބަރު 2015 ގައި ބޭއްވުނު ޝަރީޢަތުގެ މަޖިލީހުގައި ބުނެފައިވާތީ، 24 ޖޫން 2013 ވަނަ ދުވަހު ބޭންކް އޮފް މޯލްޑިވްސްގެ ވަޒީފާއިން ފާޠިމަތު މަލީޙާ ޖަމާލް ވަކިކުރުމަށް ނިންމުމަކީ މަތީގައި ބަޔާންކުރެވުނު ޝަރުޢީ އަދި ޤާނޫނީ ޤާޢިދާއާ ޚިލާފަށް އަދި ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ ސްޓެޕް 5 ގައި ބަޔާންކުރާ ގޮތާ ޚިލާފަށް ނިންމާފައިވާ ނިންމުމެއްކަން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/77 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 04 (ހަތަރެއް) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، ހައިކޯޓުން މައްސަލަ ނިންމުމުގައި މައްސަލައިގައި ކަންހިނގާފައިވާ ގޮތާމެދު (issues of fact) މި މައްސަލަ ބެލި ފަނިޑޔާރުންނަށް އޮޅުންއަރާފައިވާ ކަމަށާއި، އެގޮތުން އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެންމެ ފަހު އިންޒާރު ދިނުމުން، އެ ނިންމުން އެ ފަރާތުން އިލްތިމާސްކުރުމާ ގުޅިގެންކަން ދެ ފަރާތުގެ ބަހުން އެނގެން އޮންނަކަމަށް ޙުކުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ރ) ގައި ބަޔާންކޮށްފައިވީ ނަމަވެސް، އެއީ ކަންހިނގާފައިވާ ގޮތް ނޫންކަމަށާއި، ބޭންކް އޮފް މޯލްޑިވްސް އިން ފާޠިމަތު މަލީޙާ ޖަމާލް ވަކިކޮށްފައިވަނީ ބޭންކުގެ އެ ނިންމުން އިލްތިމާސްކުރުމާ ގުޅިގެން ނޫންކަމާއި، އިލްތިމާސްއާ ގުޅިގެން ބޭންކުން މައްސަލަ ބަލައި ނިންމުމަށްފަހު 30 މެއި 2013 ގައި ޖަވާބު ދެވިފައިވާކަމާއި، އަދި މި މައްސަލަ އިތުރަށް ބެލިބެލުމުން ފާހަގަ ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް ޝޯ ކޯޒް ލެޓަރ އެއް ފޮނުވިފައިވާކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތާއި ބޭންކް އޮފް މޯލްޑިވްސްއާ ބައްދަލުކުރެވި ޖަވާބުދާރީވުމުގެ ފުރުޞަތު އެކި ފަހަރު މަތިން ދެވިފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އެކަމާ ގުޅިގެން އިޖުރާއީ ގޮތުން ފުރިހަމަ ކުރަންޖެހޭ އެންމެހާ މަރުޙަލާތައް ފުރިހަމަ ކުރުމަށްފަހު ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، އިސްތިއުނާފުކުރާ ފަރާތަކަށް އެ އިސްތިއުނާފު ކުރި ނިންމުމުގައި ކަނޑައެޅިފައިވާ ނިންމުމަށްވުރެ ބުރަ (worse position) ނިންމުމެއް ކަނޑަނޭޅުމުގެ އުޞޫލަކީ ޝަރީޢަތުން ޢަމަލުކުރަމުން އަންނަ ޤާޢިދާއެއް ކަމަށާއި އޭގެ އެއް ސަބަބަކީ އިސްތިއުނާފު ކުރުމުގެ ޙައްޤު އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދިނުމަށްކަމުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވާއިރު، ވަޒީފާއަދާކުރާ ފަރާތަކާމެދު، ވަޒީފާދިން ފަރާތުން އިދާރީގޮތުން އަޅާ ފިޔަވަޅަކާ ގުޅިގެން (ލިޔުމުން އިންޒާރު ދިނުން) އެ ނިންމުން އަލުން ބަލައި ދިނުމަށް އެދި ވަޒީފާދޭ ފަރާތުގައި އެ މުވައްޒަފަކު އެދުމަކީ، ވަޒީފާދޭ ފަރާތުން ކަނޑައަޅާފައިވާ އުޞޫލުގެ ތެރެއިން ކުރާ ކަމަކަށްވާއިރު، އެއީ ޤާނޫނުން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤުގެ ތެރޭގައި ހިމެނޭކަމެއް ނޫންކަމަށާއި، ޤާނޫނުން ކަށަވަރުކޮށްދީފައިވާ އިސްތިއުނާފު ކުރުމުގެ ޙައްޤުގެ ބޭނުންހިފައި އެއްވެސް ކޯޓަކުން ނިންމާ މައްސަލައެއް، އެއަށްވުރެ މަތީ މަރުޙަލާގެ ކޯޓަކަށް އިސްތިއުނާފު ކުރެވުމުން އެ އިސްތިއުނާފީ މައްސަލައެއް ބަލާ ފަނޑިޔާރަށް ޢަދުލުވެރިކަމަށް ފެންނަގޮތަކަށް އެ މައްސަލައެއްގައި ޙުކުމް ކުރުމުގެ ބާރު ލިބިގެންދާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރަން ނިންމި ނިންމުމަކީ، ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ ސްޓެޕް 5 ގައި ބަޔާންކުރާގޮތާ ޚިލާފު ނިންމުމެއް ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓު ޙުކުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ ޕެރެގްރާފް (ކ) ގައި ބަޔާންކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ ސްޓެޕް 5 ގައި ބަޔާންކޮށްފައިވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އުޞޫލުތަކާ އެއްބަސްވުމާ ޚިލާފުވާ މުވައްޒަފުންނާމެދު އެޅިދާނެ ފިޔަވަޅުތައްކަމާއި، އޭގެތެރޭގައި ވަޒީފާއިން ވަކިކުރުންވެސް ހިމެނޭއިރު، އެ ނުކުތާއާ ޚިލާފުވީ ކޮންގޮތަކަށްކަން ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައި ނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ހަތަރުވަނަ ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފަރާތާއި ބޭންކް އޮފް މޯލްޑިވްސްއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރ ހިމެނޭއިރު، ވަޒީފާއިން ވަކިކުރެވުނު ސަބަބު އެ މައްޗަށް ބިނާވެފައިވާ މާއްދާތަކާއި ޝަރުޠުތަކާއި މުވައްޒަފު ޚިލާފުވުމަކީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ވަޒީފާއިން ވަކިކުރެވޭނެ ޙާލަތެއްކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/77 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށްބުނެ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން ފާޠިމަތު މަލީޙާ ޖަމާލްގެ ފަރާތުން މައިގަނޑު 5 (ފަހެއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، މައްސަލައިގައި ކަންހިނގާފައިވާ ގޮތާމެދު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންނަށް އޮޅުން އަރާފައި ނުވާކަމާއި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވަނީ ޙަޤީގަތުގައިވެސް ކަންހިނގާފައިވާގޮތް ކަމަށާއި، އެގޮތުން އިސްތިއުނާފު ރައްދުވާ ފަރާތަށް ފަހުގެ އިންޒާރު ދީފައިވަނީވެސް 19 ނޮވެންބަރު 2012 ގައި (އިންޒާރު ދިނުމުގެ ކުރީގެ ލިޔުމެއް) ދޫކޮށްފައިވާ ލިޔުމަށް ބަލައިގެންކަން އެނގޭއިރު، ބޭންކް އޮފް މޯލްޑިވްސްއިން އިޢުތިރާފުވެފައިވާ ޙަޤީޤަތަކީ، 24 ޖޫން 2013 ވަނަ ދުވަހު އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރީ، އިންޒާރުދިން މައްސަލަ ގްރީވަންސް ކޮމެޓީއަށް އިސްތިއުނާފު ކުރުމުން، އެ މައްސަލަ އަލުން ބަލައި ހަމަ އިންޒާރުދިންކަމާ ގުޅޭގޮތުން ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ދެވަނަ ނުކުތާއަކީ، މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ޤާނޫނީ އުޞޫލުތަކާއި ވަޒީފާގެ އެއްބަސްވުމުގެ މާއްދާތައް ތަޠްބީޤުކުރާއިރު، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާޢީ ޢަދުލުވެރިކަމާއި މަޢުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރުމެއް ނެތިކަން ސާބިތުވާކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ތިންވަނަ ނުކުތާއަކީ، ބޭންކް އޮފް މޯލްޑިވްސްގެ ގްރީވަންސް ޕްރިސީޖަރގެ ސްޓެޕް 5 އާ ބޭންކުން ޚިލާފުވެފައިވާކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގައި ފާހަގަކޮށްފައިވާ ނަމަވެސް، ބޭންކް އޮފް މޯލްޑިވްސްއިން އެ އިޖުރާއަތާއި ޚިލާފުވީ ކޮންގޮތަކުންކަމެއް ދިވެހިރާއްޖޭގެ ހައިކޯޓުން ބަޔާންކޮށްފައި ނުވާކަމަށާއި، އަދި ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ރިޢާޔަތްކޮށްފައި ނުވާކަމަށް ބުނިނަމަވެސް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ރިޕޯޓުގެ (ނ)، (ރ)، (ބ)، (ޅ) އަދި (ކ) ގައި ގްރީވަންސް ޕްރޮސީޖަރގެ ސްޓެޕް 5 އާ ބޭންކް އޮފް މޯލްޑިވްސްއިން ޚިލާފުވެފައިވާ ގޮތް ސާފުކޮށް ބަޔާންކޮށްފައިވާކަމާއި، އަދި އެ ނުކުތާތަކުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު މައްސަލަ ނިންމާފައިވަނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާއަށް ފުރިހަމައަށް ރިޢާޔަތްކުރުމަށް ފަހުގައިކަމަށް ބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ހަތަރުވަނަ ނުކުތާއަކީ، އިސްތިއުނާފުކުރި ނިންމުމުގައި ކަނޑައެޅިފައިވާ ނިންމުމަށްވުރެ ބުރަ (worse position) ނިންމުމެއް، އެ ނިންމުން އިސްތިއުނާފުކުރާ ފަރާތާމެދު ކަނޑަނޭޅުމުގެ އުޞޫލަކީ ޝަރީޢަތުން ޢަމަލުކުރަމުން އަންނަ ފިޤްޙީ ޤާޢިދާއެއްކަމާއި އަދި އެ އުޞޫލު ވަޒީފާގެ މައްސަލަތަކަށް ތަޠްބީޤު ކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓު ޙުކުމުގެ ފާހަގަކުރެވުނު ނުކުތާތަކުގެ (ޅ) ގައި ފާހަގަކޮށްފައިވަނީ، ވަޒީފާއާ ގުޅޭގޮތުން މުވައްޒަފަކާ މެދު އެޅި ފިޔަވަޅަކާމެދު އެ މުވައްޒަފަކު ހިތްހަމަ ނުޖެހޭނަމަ، އެ ނިންމުން މުރާޖަޢާ (ރިވިއު) ކުރުމަށް ހުށަހަޅާ ހުށަހެޅުމަކީ އިސްތިއުނާފު ކުރުމަށް ހުށަހަޅާފަދަ ހުށަހެޅެމެއް ކަމުގައި ޤާނޫނީގޮތުން ބަލަންޖެހޭ ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ކުރިންވެސް އިންޒާރުދީ ފިޔަވަޅު އެޅިކަމާ ގުޅިގެން ކަމަށްވާތީ، އެއީ އެއްކަމަކަށް ދެ ފަހަރު ޢަދަބުދިނުންކަމާއި، އަދި އެ ނިންމުމަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2012/SC-C/35 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ނިންމުމެއް ކަމަށްބުނެ ހުށަހަޅާފައިވާ ނުކުތާއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ވަޒީފާއިން ފާޠިމަތު މަލީޙާ ޖަމާލް ވަކިކޮށްފައިވާ ސަބަބު

ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި މައްސަލައިގައި ކަންހިނގާފައިވާ ގޮތާމެދު މި މައްސަލަ ބެލި ފަނިޑޔާރުންނަށް އޮޅުންއަރާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ. އެގޮތުން، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އެންމެ ފަހު އިންޒާރު ދިނުމުން، އެ ނިންމުން އެ ފަރާތުން އިލްތިމާސްކުރުމާ ގުޅިގެންކަން ދެ ފަރާތުގެ ބަހުން އެނގެން އޮންނަކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވާ ނަމަވެސް، ބޭންކް އޮފް މޯލްޑިވްސް އިން ފާޠިމަތު މަލީޙާ ޖަމާލް ވަކިކޮށްފައިވަނީ ބޭންކުގެ އެ ނިންމުން ("އެންމެ ފަހު އިންޒާރު") އިލްތިމާސްކުރުމާ ގުޅިގެން ނޫންކަމާއި، ހަމަޖެހިފައިވާ އުސޫލުގެ ދަށުން ފާޠިމަތު މަލީޙާ ޖަމާލަށް ދެވުނު "އެންމެ ފަހުގެ އިންޒާރު" އިލްތިމާސް ކުރުމުން، ބޭންކް އޮފް މޯލްޑިވްސްއިން އެ ހުށަހެޅުން ބަލާ، 30 މެއި 2013 ގައި އޭނާއަށް ޖަވާބު ދީފައިވާކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކޮށްފައިވަނީ އެ (ފާޠިމަތު މަލީޙާ ޖަމާލްގެ ބޭންކް އޮފް މޯލްޑިވްސްއަށް ޞައްޙަ ނޫން މަޢުލޫމާތު ދިނުމުގެ) މައްސަލަ އިތުރަށް ބެލިބެލުމުން ފާހަގަ ކުރެވުނު ކަންތައްތަކުގެ މައްޗަށް ބިނާކޮށް، ޝޯ ކޯޒް ލެޓަރ އެއް ފޮނުވި، އެއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދިނުމަށް ފަހުގައި، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށާއި، ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ 4.11 ގެ (1) އަދި (6) އަށް ޙަވާލާދީ، ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެކަމެއްކަމަށް ބޭންކް އޮފް މޯލްޑިވްސްއަށް ނުފެންނާތީ ކަމުގައެވެ.

މައްސަލައިގައި ކަންހިނގާފައިވާ ގޮތާމެދު މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި ބެލި ފަނޑިޔާރުންނަށް އޮޅުން އަރާފައިވާކަމަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ފާހަގަކޮށްފައިވާތީ، ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރުމުގެ ކުރިއަށް ކަން ހިނގާދިޔަ ގޮތަށް ނަޒަރުކުރުން މުހިންމު ކަމުގައި ދެކެމެވެ.

ކަން ހިނގާފައިވާ ގޮތް

ޓްރައިބިއުނަލުގެ ނަންބަރު 159/VTR/2013 މައްސަލައާ ގުޅިގެން ހުށަހަޅާފައިވާ ބަޔާންތަކަށާއި ލިޔެކިޔުމަށް ބެލުމުން، މައްސަލައިގައި ކަންހިނގާފައިވަނީ އަންނަނިވި ފަދައިންކަން ސާފުވެއެވެ.

ފާޠިމަތު މަލީޙާ ޖަމާލަކީ 30 ޖަނަވަރީ 1995 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގައި ވަޒީފާ އަދާކުރަމުން ދިޔަ މީހެކެވެ.

މިގޮތުން، ވަޒީފާ އަދާކުރުމުގެ ތެރޭގައި، ސްރީލަންކާގެ ކޮލަމްބޯގައި2010 އޮގަސްޓް 13 އިން 2010 އޮގަސްޓް 17 އަށް އޮތް އެޕްލައިޑް ފައިނޭންސް ޕްރޮގްރާމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން، ފާޠިމަތު މަލީޙާ ޖަމާލް ހިމެނޭގޮތުން، މުވައްޒަފުންތަކެއް ބައިވެރިވެފައިވެއެވެ.

އެ ތަމްރީނު ޕްރޮގްރާމްގެ ބައިވެރިން ކޮލޮމްބޯގައި ތިބުމުގެ ޚަރަދު ހަމަޖައްސާފައިވަނީ ކޮންމެ ބައިވެރިއަކުވެސް އަމިއްލައަށް ޚަރަދު ކުރުމަށްފަހު، އެދިޔަ ޚަރަދު ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އަނބުރާ ހޯދާގޮތަށެވެ. މިހެންކަމާއެކު، ތަމްރީނު ފުރިހަމަކުރުމަށްފަހު ރާއްޖެ އައިސް، ފާޠިމަތު މަލީޙާ ޖަމާލް 29 އޯގަސްޓް 2012 ގައި ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވި އީމެއިލްއެއްގައި، އިޝާރާތްކުރެވުނު ތަމްރީނުގައި ބައިވެރިވި 03 (ތިނެއް) މީހުންގެ ހުރުމުގެ ޚަރަދުގެ ގޮތުގައި ޖުމްލަ US$5,880/- (ފަސްހާސް އަށްސަތޭކަ އަށްޑިހަ އެމެރިކާ ޑޮލަރު) ދައްކާފައިވާތީ، އެ ފައިސާ ފާޠިމަތު މަލީޙާ ޖަމާލްގެ އެކައުންޓަށް ޖަމާކޮށްދިނުމަށް އެދިފައިވެއެވެ.

ހުރުމުގެ ޚަރަދަށްވާ ފައިސާ ހޯދުމަށް ބޭންކް އޮފް މޯލްޑިވްސްއަށް (29 އޯގަސްޓް 2012 ގައި) ހުށަހެޅުމުގެ ކުރިން، 16 އޯގަސްޓް 2012 ގައި، ހޮޓަލަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ދަތިތަކެއް ހުރުމުން، ތަމްރީނުގައި ބައިވެރިވި 03 (ތިނެއް) މީހުންގެ ފަރާތުން ހުރުމުގެ ޚަރަދަށް ހިނގި ފައިސާ ދެއްކުމަށްޓަކައި، ފާޠިމަތު މަލީޙާ ޖަމާލްގެ ކާޑުގެ ލިމިޓް އިތުރުކޮށްދިނުމަށް އެދި ބޭންކް އޮފް މޯލްޑިވްސްއަށް އީމެއިލް ކުރިއެވެ.

ތަމްރީނުގައި ބައިވެރިވި 03 (ތިނެއް) މީހުންގެ ފަރާތުން ހުރުމުގެ ޚަރަދަށް ހިނގި ފައިސާ ހޯދުމަށް ފާޠިމަތު މަލީޙާ ޖަމާލް ހުށަހަޅާފައިވަނީ އެފަރާތްތަކުން އެދިގެން ފައިސާ ދައްކާފައިވާތީއާއި، އެފަރާތްތަކުގެ މެދުގައި ވާހަކަދެކެވި އެއްބަސްވެވިގެންކަމަށް ބުނެ ފާޠިމަތު މަލީޙާ ޖަމާލްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއަށް އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ދީފައިވެއެވެ. އަދި މިގޮތުން، (ފާޠިމަތު މަލީޙާ ޖަމާލް 29 އޯގަސްޓް 2012 ގައި ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވި އީމެއިލްއެއްގައިވާ ފަދައިން) ހުރުމުގެ ޚަރަދުގެ ގޮތުގައި ހިނގިކަމަށް ބުނެފައިވާ US$5,880/- (ފަސްހާސް އަށްސަތޭކަ އަށްޑިހަ އެމެރިކާ ޑޮލަރު) އަކީ ފާޠިމަތު މަލީޙާ ޖަމާލް ކޮށްފައިވާ ޚަރަދެއް ނޫންކަމަށާއި، ފާޠިމަތު މަލީޙާ ޖަމާލަށް ލިބެންޖެހޭ ޖުމްލަ ޢަދަދަކީ US$2,237/28 (ދެހާސް ދުއިސައްތަ ތިރީސް ހަތެއް އެމެރިކާ ޑޮލަރު އަށާވީސް ސެންޓު) ކަމުގައި، ބޭންކް އޮފް މޯލްޑިވްސްއިން 11 ސެޕްޓެންބަރު 2012 ގައި ފާޠިމަތު މަލީޙާ ޖަމާލަށް ފޮނުވި އީމެއިލްގައި ބަޔާންކޮށްފައިވެއެވެ. އަދި މި އީމެއިލްއާއެކު، ހޮޓަލުގެ އިންވޮއިސް އާއި، ކާޑުން ފައިސާ ދެއްކުމުން ލިބުނު ރަސީދުތަކުގެ ކޮޕީ އާއި، ހޮޓަލުގެ ރިޒަވޭޝަން ހެދުމުގައި ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލާއި، ހޮޓަލުގެ އިންވޮއިސްގައިވާ ފައިސާ ތަމްރީނުގައި ބައިވެރިވި 03 (ތިނެއް) މީހުންގެ މެދުގައި ބަހާލެވިފައިވާ ގޮތް ހުށަހަޅާފައިވެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ އިންޓަރނަލް އޮޑިޓް ޑިޕާޓްމަންޓުން 7 އޮކްޓޫބަރު 2012 ގައި ފޮނުވާފައިވާ އީމެއިލްއަކުން، ފާޠިމަތު މަލީޙާ ޖަމާލް ހޯދުމަށް އެދި ހުށަހަޅާފައިވާ ފައިސާއާއި ގުޅޭ ބައެއްކަންކަން ސާފުކުރަން އެދުމުން، ހަމަ އެ ދުވަހު ފާޠިމަތު މަލީޙާ ޖަމާލް ފޮނުވި އީމެއިލްއެއްގައި، ހޮޓަލުން ރިޒަވޭޝަން ހެދި ގޮތާއި، ބޭންކުގެ ފަރާތުން ތަމްރީންގެ ބައިވެރިންނަށް ދީފައިވާ މަޢުލޫމާތު ސާފުކޮށްދިނުމާއެކު، ކަން ހިނގާފައިވާ ގޮތް ކުރިން ފޮނުވާފައިވާ އީމެއިލްއިން ސާފުކޮށްދީފައިވާނެ ކަމުގައި ބުނެފައިވެއެވެ.

ފާޠިމަތު މަލީޙާ ޖަމާލްގެ ފަރާތުން ހޯދުމަށް އެދި ހުށަހަޅާފައިވާ ފައިސާއަކީ ޞައްޙަ ޢަދަދެއްކަން ނުވަތަ ނޫންކަން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ބެލި ބެލުމުގައި، ފާޠިމަތު މަލީޙާ ޖަމާލްގެ އިތުރުން، ސްރީލަންކާގައި އޮތް ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި 02 (ދޭއް) މުވައްޒަފުންވެސް، އެމީހުންގެ ބިލަށް އެރި ޢަދަދުގެ ބައެއް ދައްކާފައި ވާހިނދު، ބިލަށް އެރި ޖުމްލަ ޢަދަދު ފާޠިމަތު މަލީޙާ ޖަމާލް ހޯދުމަށް އެދިފައިވާތީ، އެއީ ފާޠިމަތު މަލީޙާ ޖަމާލްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއަށް ޞައްޙަ ނޫން މަޢުލޫމާތު ދިނުންކަމުގައި ދެކި، ފާޠިމަތު މަލީޙާ ޖަމާލްގެ އެ (ޞައްޙަ ނޫން މަޢުލޫމާތު ދިނުމުގެ) ޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނާއި ބޭންކް އޮފް މޯލްޑިވްސް އާއި ފާޠިމަތު މަލީޙާ ޖަމާލާމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބައެއްކަމުގައި ހިމެނޭ ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރއާ ޚިލާފު ޢަމަލެއް ކަމުގައިވާތީ، 24 މާރޗް 2013 ގައި ފާޠިމަތު މަލީޙާ ޖަމާލަށް ބޭންކް އޮފް މޯލްޑިވްސް އިން "އެންމެ ފަހުގެ އިންޒާރު" ދީ، 2012 ވަނަ އަހަރުގެ މުސާރައިގެ ކުރިއެރުމާއި، ވަޒީފާގެ ކުރިއެރުމާއި، ޕަރފޯމަންސްއާގުޅޭ ބޯނަސް ހިފެހެއްޓިއެވެ.

ޙަވާލާދެވުނު "އެންމެ ފަހުގެ އިންޒާރު" އަލުން ބަލައިދިނުން އެދި، ފާޠިމަތު މަލީޙާ ޖަމާލް 26 މާރޗް 2013 ގައި ބޭންކް އޮފް މޯލްޑިވްސް އަށް ސިޓީއިން ހުށަހެޅިއެވެ. އަދި "އެންމެ ފަހުގެ އިންޒާރު" އަލުން ބަލައިދިނުން އެދި ފާޠިމަތު މަލީޙާ ޖަމާލް ހުށަހެޅި ހުށަހެޅުމާ ގުޅޭގޮތުން، ބޭންކް އޮފް މޯލްޑިވްސް އިން އެ މައްސަލަ އިތުރަށް ބަލައި، "އެންމެ ފަހުގެ އިންޒާރު" ދިނުމަށް ނިންމި ނިންމުން ބަދަލުކުރަން ޖެހޭކަމަށް ނުފެންނަ ކަމަށާއި، ބޭންކް އޮފް މޯލްޑިވްސްގެ އެ ނިންމުން އެގޮތުގެމަތިން ދަމަހައްޓައި ކަމުގައި ބުނެ 30 މާރޗް 2013 ގައި ފާޠިމަތު މަލީޙާ ޖަމާލަށް ސިޓީއިން އަންގާފައިވެއެވެ.

އެއަށްފަހު، 5 ޖޫން 2013 ގައި، ބޭންކް އޮފް މޯލްޑިވްސް އިން ފާޠިމަތު މަލީޙާ ޖަމާލަށް ޝޯ ކޯޒް ލެޓަރ އެއް ފޮނުވާފައިވެއެވެ. އެ ސިޓީގައި، ފާޠިމަތު މަލީޙާ ޖަމާލް އެދުވަހުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމުގައި އަންގައި، ދެފަރާތުގެ ދެމެދުގައި ކުރިން ބަދަލުކުރެވިފައިވާ މުޢާމަލާތްތަކަށް ޙަވާލާދީ، ފާޠިމަތު މަލީޙާ ޖަމާލް ދީފައިވާ މަޢުލޫމާތާއި ފުށުއަރާ ފަދައިން އޭނާ ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް ކޮލޮމްބޯގައި ހުރިއިރު، ހޮޓަލުގެ ކޮޓަރި ބަދަލުކޮށްފައިވާ ކަމުގައި ބުނެ، ހޮޓަލުގެ ކޮޓަރިތަކުގެ އަގާ ގުޅޭ މަޢުލޫމާތުތަކެއް ދީފައިވެއެވެ.

ޝޯ ކޯޒް ލެޓްރ އާއި ޙަވާލާދީ ފާޠިމަތު މަލީޙާ ޖަމާލް 16 ޖޫން 2013 ގައި ބޭންކް އޮފް މޯލްޑިވްސް އަށް ކަން ހިނގާ ދިޔަ ގޮތާބެހޭ ސިޓީއެއް ފޮނުވާ، އެ ސިޓީއާއެކު ތަމްރީނުގައި ބައިވެރިވި 03 (ތިނެއް) މީހުންނަށް ހުރުމުގެ ކަންކަން ހަމަޖައްސައިދިން ޓްރެވަލް އޭޖަންޓްގެ ސިޓީއަކާއި، ބައިވެރިން ތިބި ހޮޓަލުގެ ފްރަންޓް އޮފީސް މެނޭޖަރ ފޮނުވާފައިވާ އީމެއިލްއެއްގެ ކޮޕީއެއް ހުށަހަޅާފައިވެއެވެ.

އެއަށްފަހު، 24 ޖޫން 2013 ގައި، ފާޠިމަތު މަލީޙާ ޖަމާލް ހުށަހެޅި އެކޮމަޑޭޝަން ބިލްގައި ޞައްޙަ ނޫން މަޢުލޫމާތު ދީފައިވާ ކަމަށްބުނެ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށާއި، ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ 4.11 ގެ (1) އަދި (6) އަށް ޙަވާލާދީ، ފާޠިމަތު މަލީޙާ ޖަމާލް ބޭންކް އޮފް މޯލްޑިވްސްގެ ވަޒީފާއިން ވަކިކުރިއެވެ.

ލާޒިމް އިޖުރާތު

ވަޒީފާއާބެހޭ ޤާނޫނުގެ މައިގަނޑު އެއް މަގުސަދަކީ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި، އެ ޤާނޫނު ވުޖޫދަށް އައުމުގެ ކުރިން ވަޒީފާދޭ ފަރާތަށް ލިބިފައިވާ އިޚްތިޔާރު އެ ޤާނޫނުގައި ބަޔާންކޮށްފައިވާ ހަމަތަކުގެ ތެރެއިން ގައިދުކުރުމެވެ. ވަޒީފާދޭ ފަރާތަށް އެހާތަނަށް ލިބިފައިވާ އިޚްތިޔާރު ގައިދުކޮށް، މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށް ވަޒީފާއާބެހޭ ޤާނޫނުގައި ކަނޑައަޅާފައިވެއެވެ.

މުވައްޒަފަކު ވަޒީފާއިން ވަކިކުރަނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ކަށަވަރުކުރުމަށް ވަޒީފާއާބެހޭ ޤާނޫނުގައި އެކަށައަޅާފައިވާ ނިޒާމަކީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ލާޒިމް އިޖުރާޢަތު ވަޒީފާދޭ ފަރާތުން ފުރިހަމަކުރިތޯ ނުވަތަ ނޫންތޯ ބެލުމެވެ. މިގޮތުން، ނޯޓިހެއް ދިނުމަކާ ނުލައި، މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރެވޭނެ ޙާލަތްތައް ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ "ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާ އަދާކުރާ ފަރާތެއް އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ، އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ޙާލަތްތަކުގައެވެ." އެ މާއްދާގެ (ށ) ގައި ބުނެފައިވަނީ ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އަންނަނިވި ޙާލަތްތަކުގައި ކަމަށެވެ.

ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެނުން.

ޚިޔާނާތެއް ވެފައިވުން.

މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދައުވާއެއްގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު ފުރިހަމަކުރަންޖެހޭ ދެ ޝަރުޠު ފުރިހަމަކުރުމުގައި ވަޒީފާދޭ ފަރާތުން ތަތުބީޤު ކޮށްފައިވާ ހަމައަކީ ޢަދުލުވެރިކަމާއެކު ޤާނޫނީ ގޮތުން ލާޒިމު އިޖުރާޢަތާ އެއްގޮތަށް ތަތުބީޤުކުރެވޭ ހަމައެއްކަން ކަށަވަރު ކުރުމަށްޓަކައި ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ދެ ކަމެއް ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ޤަޟިއްޔާތަކުގައި އެކަށައަޅައި، އެ ދެ ކަންތައް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޢާންމު ޤާނޫނުގެ މައިގަނޑު ދެ އުޞޫލުކަމުގައި ޤަބޫލުކުރެވި އިސްތިޤުރާރު ވެފައިވެއެވެ. އެ ދެ ކަމަކީ؛ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މައުޟޫޢީ ޢަދުލުވެރިކަން (Substantive Fairness) ޤާއިމުވުން ލާޒިމުވުމާއި، އިޖުރާއީ ޢަދުލުވެރިކަން (Procedural Fairness) ޤާއިމުކުރުން ލާޒިމުވުމެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، އެކަށީގެންވާ ސަބަބެއް އޮވެގެން، މުވައްޒަފަކު ވަކިކުރަން ވަޒީފާދޭ ފަރާތުން ނިންމި ނިންމުން ބިނާކޮށްފައިވާ ކަންކަމުގެ ނުވަތަ ތުޙުމަތުތަކުގެ ދޮގުތެދު ވަޒީފާދޭ ފަރާތުން ސާބިތުކޮށްދޭން ޖެހޭނީ، މިބާވަތުގެ މަދަނީ މައްސަލަތަކުގައި ޝަރީޢަތުން ހެކި ވަޒަންކުރާ މިންގަނޑު ކަމުގައިވާ ބޮޑަށް ބުރަވެވޭ ގޮތުގެ މިންގަނޑުން ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ޤަޟިއްޔާތަކުގައި އެކަށައަޅައި، އެކަން ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި އިސްތިޤުރާރުވެފައި ވެއެވެ.

މައުޟޫއީ ޢަދުލުވެރިކަން

ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) އާއި (ށ) ގައި ބުނެފައިވާ ފަދައިން ޢަދުލުވެރި ސަބަބެއް އޮވެގެންނެވެ. ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ދެ ޙާލަތެއްގައެވެ. އެއީ:

ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއް ކުރުން.

ޚިޔާނާތެއް ވެފައިވުން.

ކޮންމެކޮންމެ ޣައިރުސުލޫކީ އަމަލަކީ (misconduct)އެ އަމަލެއްގެ ސަބަބުން މުވައްޒަފަކު ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ހުއްދަކުރާ ކަމަކަށް ނުވުން އެކަށީގެންވެއެވެ. ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާނީ މުވައްޒަފު ކުރި އަމަލަކީ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއް (gross misconduct)ކަމަށް ވާނަމައެވެ.

މުވައްޒަފު ކުރި އަމަލަކީ ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއްކަމަށް ބެލެވޭނީ، މުވައްޒަފުކުރި އަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަމަލެއް ކަމަށް ވާނަމައެވެ. މިގޮތުން، މުވައްޒަފުގެ ޣައިރުސުލޫކީ އަމަލަކީ:

ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށް ވާނަމަ؛ ނުވަތަ

އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވާނަމަ؛ ނުވަތަ

އެކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއްކަމަށް ވާނަމަ؛

އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކަމަށް ބެލެވިދާނެއެވެ.

އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަ ވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއްތޯ ނުވަތަ ނޫންތޯ ބެލުމުގައި، އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތް ނުވަތަ ވިޔަފާރީގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްޢޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ އަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ.

އެހެންކަމުން، ޣައިރުސުލޫކީ އަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތުން ކުރަމުން ގެންދާ ވިޔަފާރީގެ ބާވަތަށް ބަލާއިރު، އެ މުއައްސަސާއަކީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ފަރާތުން ރެގިއުލޭޓް ކުރަމުންގެންދާ މާލީ އިދާރާއެކެވެ. މިފަދަ މުއައްސަސާއެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ސިއްރު ހިފެހެއްޓޭ އަދި މާލީ އަޚްލާޤު ހިފަހައްޓާ ބައެއް ކަމަށްވުން ލާޒިމްވެއެވެ. މާލީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފަކު ހިފަހައްޓަންޖެހޭ އަޚްލާޤާއި ސުލޫކީ މިންގަނޑުން މުވައްޒަފަކު ބޭރުވެއްޖެނަމަ، ދެން އެ މުވައްޒަފަކަށް ނުކުމެވޭ މަގަކީ ރައްކާތެރި މަގެއް ކަމަށް ނުވާނެއެވެ.

ހުށަހެޅިފައިވާ މައްސަލައިގައި ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރެވިފައިވާ ސަބަބަކީ އިސްވެ ދެންނެވުނު މިންގަނޑަށް ބަލާއިރު އެކަށިގެންވާ ސަބަބެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު؛

ބޭންކް އޮފް މޯލްޑިވްސްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަޙްލާޤީ އަދި ސުލޫކީ ކަންކަން ބެލުމާގުޅޭ ގޮތުން، އެ ބޭންކުން ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރއެއް އެކުލަވާލައި، އެއީ އެ ބޭންކުގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ މައްޗަށް ހިނގާ އިޖުރާއަތެއްގެ ގޮތުގައި ހަމަޖައްސާފައިވާކަން ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރއަށް ބެލުމުން އެނގެން އޮންނަކަމާއި، ބަޔާންކުރެވުނު ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ 4.1 ވަނަ ނަންބަރުގައި 'ސީރިއަސް/ގްރޮސް މިސްކޮންޑަކްޓް' އާގުޅޭ ކަންކަން ހިމަނާފައިވާކަމާއި، ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ 5 ވަނަ ނަންބަރުގައި ބަޔާންކުރާ ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެއް އަޅައި، އެކަން މުވައްޒަފަށް ލިޔުމުން އެންގުން ހިމެނޭކަން؛

ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ 5 ވަނަ ނަންބަރުގެ ދަށުން ހުރި ފިޔަވަޅުތަކުގެ ތެރޭގައި "އެންމެ ފަހުގެ އިންޒާރު" ދިނުމާއި ވަޒީފާއިން ވަކިކުރުން ހިމެނޭކަން؛

ބޭންކް އޮފް މޯލްޑިވްސްއިން ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކޮށްފައިވަނީ އެ ބޭންކުގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ ދަށުން ކަމުގައިވީހިނދު، ފާޠިމަތު މަލީޙާ ޖަމާލަށް 24 މާރޗް 2013 ގައި "އެންމެ ފަހުގެ އިންޒާރު" ދީފައިވަނީވެސް، ފާޠިމަތު މަލީޙާ ޖަމާލްގެ ފަރާތުން ހޯދުމަށް އެދި ބޭންކް އޮފް މޯލްޑިވްސްއަށް ހުށަހަޅާފައިވާ ފައިސާއަކީ ޞައްޙަ ޢަދަދެއްކަން ނުވަތަ ނޫންކަން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ބެލިބެލުމުގައި، ފާޠިމަތު މަލީޙާ ޖަމާލްގެ އިތުރުން، ސްރީލަންކާގައި އޮތް ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވި 02 (ދޭއް) މުވައްޒަފުންވެސް، އެމީހުންގެ ބިލަށް އެރި ޢަދަދުގެ ބައެއް ދައްކާފައިވާތީ، ބިލަށް އެރި ޖުމްލަ ޢަދަދު ފާޠިމަތު މަލީޙާ ޖަމާލް ހޯދުމަށް އެދިފައިވުމަކީ ފާޠިމަތު މަލީޙާ ޖަމާލްގެ ފަރާތުން ބޭންކް އޮފް މޯލްޑިވްސްއަށް ޞައްޙަ ނޫން މަޢުލޫމާތު ދިނުންކަމުގައި ދެކި، ފާޠިމަތު މަލީޙާ ޖަމާލްގެ އެ (ޞައްޙަ ނޫން މަޢުލޫމާތު ދިނުމުގެ) ޢަމަލަކީ ވަޒީފާއާބެހޭ ޤާނޫނު އާއި، ބޭންކް އޮފް މޯލްޑިވްސްއާއި ފާޠިމަތު މަލީޙާ ޖަމާލާމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގެ ބައެއްކަމުގައި ހިމެނޭ ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރއާ ޚިލާފު ޢަމަލެއް ކަމުގައިވާތީ، ފާޠިމަތު މަލީޙާ ޖަމާލަށް "އެންމެ ފަހުގެ އިންޒާރު" ދީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީވެސް އެއް ސަބަބެއްގެ މައްޗަށްކަން؛

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ބަޔާންކުރާ ގޮތުން، ފާޠިމަތު މަލީޙާ ޖަމާލަށް "އެންމެ ފަހުގެ އިންޒާރު" ދިނުމަށްފަހު، ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން 5 ޖޫން 2013 ގައި ޝޯ ކޯޒް ލެޓަރ ފޮނުވާ، ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކޮށްފައިވަނީ ކޮލޮމްބޯގައި ހުންނަ ސިނަމަން ގްރޭންޑް ހޮޓެލްގައި 2010 އޮގަސްޓް 13 އިން 2010 އޮގަސްޓް 17 އަށް ފާޠިމަތު މަލީޙާ ޖަމާލް ހުރި ހުރުމާ ގުޅޭގޮތުން އެ ހޮޓަލުގެ ގެސްޓް ސަރވިސް މެނޭޖަރ ދީފައިވާ މަޢުލޫމާތުތަކަކާ ގުޅިގެން ކަމަށާއި، އެ މަޢުލޫމަތަކީ "އެންމެ ފަހުގެ އިންޒާރު" ދިނުމުގައި ރިޢާޔަތް ކޮށްފައިނުވާ ލިޔުމެއް ކަމުގައި ބަޔާންކޮށްފައިވާކަން؛ އަދި

ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އިސްވެ ދެންނެވުނު ފަދައިން ބަޔާންކޮށްފައިވާ ނަމަވެސް، ސިނަމަން ގްރޭންޑް ހޮޓެލްއިން ލިބިފައިވާ އެ އީމެއިލްއަށް ބެލުމުން، އެއީ 19 ނޮވެމްބަރ 2012 ގައި ބޭންކް އޮފް މޯލްޑިވްސްއަށް ފޮނުވާފައިވާ އީމެއިލްއެއްކަމާއި، އެ މަޢުލޫމާތަކީ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން 24 މާރޗް 2013 ގައި ފާޠިމަތު މަލީޙާ ޖަމާލަށް "އެންމެ ފަހުގެ އިންޒާރު" ދިން އިރުވެސް، އެބޭންކަށް ލިބިފައިވާ ލިޔުމެއްކަން؛

އެނގެން އޮންނާތީ، "އެންމެ ފަހުގެ އިންޒާރު" ދިނުމުން، އެ ނިންމުން އިސްތިއުނާފުކޮށް ފާޠިމަތު މަލީޙާ ޖަމާލް 26 މާރޗް 2013 ގައި ބޭންކް އޮފް މޯލްޑިވްސް ހުށަހެޅި ހުށަހެޅުމާ ގުޅިގެން، އެ ނިންމުން ބަދަލު ކުރަން ޖެހޭކަމަށް ނުފެންނަ ކަމަށާއި، އެ ނިންމުން އެގޮތުގެމަތިން ދަމަހައްޓާ ކަމުގައި ބުނެ ބޭންކް އޮފް މޯލްޑިވްސް އިން 30 މާރޗް 2013 ގައި ޖަވާބުދީފައި ވުމުން، ހަމަ އެ މަޢުޟޫޢުއާ ގުޅިގެން (ސްރީލަންކާގެ ކޮލަމްބޯގައި 2010 އޮގަސްޓް 13 އިން 2010 އޮގަސްޓް 17 އަށް އޮތް އެޕްލައިޑް ފައިނޭންސް ޕްރޮގްރާމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން އޭނާ ބައިވެރިވެ، އަނބުރާ ފައިސާ ހޯދަން ހުށަހެޅި އެކޮމަޑޭޝަން ބިލްގައި ޞައްޙަ ނޫން މަޢުލޫމާތު ދީފައިވާ ކަމަށް) އަލުން ފިޔަވަޅެއް އެޅުމުގެ ފުރުޞަތު އޮންނާނެ ޤާނޫނީ ހަމައެއް ވާކަމުގައި އަހުރެންނަށް ޤަބޫލު ނުކުރެވެއެވެ.

ފާޠިމަތު މަލީޙާ ޖަމާލްގެ މައްޗަށް ތުހުމަތު ކުރެވުނު ކަންކަމުގެ މައްޗަށް ބަލައި، އޭނާއަށް "އެންމެ ފަހުގެ އިންޒާރު" ދިނުމަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ނިންމުމުން ދޭހަވަނީ، ފާޠިމަތު މަލީޙާ ޖަމާލްގެ މައްޗަށް ތުހުމަތުކުރެވުނު ކަންކަން ސާފުކޮށްދިނުމުގެ ގޮތުން އެފަރާތުން ހުށަހެޅި ކަންކަމުން ބޭންކަށް ތަފްޞީލުތަކަކާއި މަޢުލޫމާތުތަކެއް ލިބި، "އެންމެ ފަހުގެ އިންޒާރު" ދިނުމުން އެފަދަ ޢަމަލެއް ތަކުރާރުނުވާނެ ކަމުގައި ބޭންކް އޮފް މޯލްޑިވްސްއިން ބެލީކަމުގައެވެ. މިކަމަށް އިތުރު ބުރަދަނެއް ލިބެނީ، ފާޠިމަތު މަލީޙާ ޖަމާލް ފިޔަވައި، ސްރީލަންކާގެ ކޮލަމްބޯގައި 2010 އޮގަސްޓް 13 އިން 2010 އޮގަސްޓް 17 އަށް އޮތް އެޕްލައިޑް ފައިނޭންސް ޕްރޮގްރާމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ބައިވެރިވި އަނެއް 02 (ދޭއް) މުވައްޒަފުންގެ ބަހެއް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ހޯދާފައި ނުވުމުންނާއި، މުވައްޒަފުންގެ މެދުގައި އެއް ހަމައަކުން ޢަމަލުކޮށްފައި ނުވާކަން ބޭންކް އޮފް މޯލްޑިވްސްގެ ބަހުން އެނގެން އޮތުމުންނެވެ.

މި ޤަޟިއްޔާގައި ހިމެނޭ މައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ނިންމާފައިވަނީ، ފާޠިމަތު މަލީޙާ ޖަމާލްގެ މައްޗަށް ކުރިން ހުށަހެޅުނު މައްސަލަ ބަލައި، އެ މައްސަލައާ ގުޅޭގޮތުން ނިންމި ނިންމުން އިސްތިއުނާފުކުރުމުން، އެ ނިންމުން ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ދަމަހައްޓާފައިވާ ޙާލަތެއްގައި ކަމަށްވާތީ، ހަމަ އެ މަޢުޟޫޢުގެ މައްޗަށް، އަދި އެ ނިންމުން ނިންމިއިރު ބޭންކް އޮފް މޯލްޑިވްސްއަށް ލިބިފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް، ނޯޓިސް ދިނުމެއްނެތި ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރުމަށް ބޭންކް އޮފް މޯލްޑިވްސްއިން ނިންމި ނިންމުމަކީ، މައްސަލައިގެ ވަށައިގެންވާ ކަންކަމުގެ އަލީގައި، ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާ ފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ ޢަމަލަކާއި ގުޅިގެން ނިންމާފައިވާ ނިންމުމެއް ކަމަށް އަހުރެން ނުދެކެމެވެ.

އިޖުރާއީ ޢަދުލުވެރިކަން

ބޭންކް އޮފް މޯލްޑިވްސްގައި ފާޠިމަތު މަލީޙާ ޖަމާލް އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކޮށްފައިވަނީ، ފާޠިމަތު މަލީޙާ ޖަމާލަށް ޝޯ ކޯޒް ލެޓަރ އެއް ފޮނުވާ، އެ ސިޓީގައި ބަޔާންކޮށްފައިވާ ކަންކަމުގެ މައްޗަށް ޖަވާބުދާރީވުމުގެ ފުރުޞަތު ފާޠިމަތު މަލީޙާ ޖަމާލަށް ލިބިދިނުމަށް ފަހުގައިކަން އިސްތިއުނާފުކުރާ ފަރާތާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ބަހުން އެނގެން އޮތުމުން، މި މައްސަލައިގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރުމުގެ ކުރިން ގާއިމުކުރަންޖެހޭ އިޖުރާއީ ޢަދުލުވެރިކަން ގާއިމުކޮށްފައިވާ ކަމުގައި ބުރަވެވެއެވެ.

ޙައްލުތައް

ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއް ޓްރައިބިއުނަލަށް ހުށަހަޅާ ފަރާތަކަށް ތިން ބާވަތެއްގެ ޙައްލު ދިނުމުގެ ބާރު ޓްރައިބިއުނަލަށް ލިބިގެންވެއެވެ. އެއީ:

އެ މުވައްޒަފަކު ކުރިން ހުރި ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުން؛ ނުވަތަ

މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ ކުރިން އަދާކުރަމުންދިޔަ ބާވަތުގެ ވަޒީފާއެއްގައި، ނުވަތަ އެކަށީގެންވާ އެހެން ވަޒީފާއެއްގައި ބެހެއްޓުން؛ ނުވަތަ

ބަދަލު ދިނުން.

މައްސަލަ ހުށަހަޅާ ފަރާތަކަށް މިއިން ޙައްލެއް ޓްރައިބިއުނަލަށް ހޯދައި ދެވޭނީ އެ މުވައްޒަފަކު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް ނެތިކަމަށް ޓްރައިބިއުނަލުގައި ސާބިތުވެއްޖެ ނަމައެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) އިން އެނގެނީ އެކަށީގެންވާ ސަބަބެއް ނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ދެވިދާނެ އެންމެ އަސާސީ ޙައްލަކީ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުން ކަމެވެ. މި މާއްދާގައި މި ބުނާ އަސާސީ ޙައްލުގެ މާނަ އަކީ އިސްތިސްނާއީ ޙާލަތެއް ނެތްނަމަ އެ މުވައްޒަފަކު ވަކިކުރިއިރު އަދާކުރަމުންދިޔަ ވަޒީފާއަށް ރުޖޫއަކުރުމެވެ. ނުވަތަ އެނޫންވެސް އޭނާއާ އެކަށީގެންވާ ވަޒީފާއެއްގައި ބެހެއްޓުމަށެވެ.

ވަޒީފާއިން ވަކިކުރިއިރު މުވައްޒަފު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އެންގުމުގެ އަމުރަކީ އަދާލަތުގެ ޙައްލެއް (equitable remedy) ކަމުގައިވާ، ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރާ(specific performance) އެއް ސިފައެއްގެ އަމުރެކެވެ. އެހެންކަމުން އަދާލަތުގެ ޙައްލެއް ކަމުގައިވާ، ވަކިގޮތަކަށް އަމަލުކުރުމުގެ އަމުރާ އެއް ފަދައިން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ބައެއް ޙާލަތްތަކެއް ހުންނާނެއެވެ. އެކަން ވަޒީފާއާބެހޭ ޤާނޫނުގެ 29 ވަނަ މާއްދާގެ (ށ) ގެ ފަހު ޖުމްލައިން ސާފުކޮށް އެނގެއެވެ. އެހެންކަމުން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް އަމުރެއް ނެރުމުގެ ކުރިން އެ އަމުރެއް ނެރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބަލަންވާނެއެވެ.

އިސްވެ މި ބަޔާންކުރި ފަދައިން، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާފާނޭ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން ނެތް ކަމަށް ބެލެވިދާނެ ބައެއް ޙާލަތްތައް ތިރީގައި މިވަނީއެވެ.

އަނބުރާ އިޢާދަނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާއިތުބާރު ގެއްލިފައިވުން؛

ވަޒީފާއިން ވަކިކުރި ތާރީޚާއި ވަޒީފާދިނުމަށް އަމުރުކުރާ ތާރީޚާދެމެދު އެކަށީގެންވާ ވަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވުން؛

ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ކުޑަބޮޑުމިން؛

ވަޒީފާދޭ ފަރާތުގެ ވިޔަފާރީގެ ޙާލަތު ގޯސްވެފައިވުމުގެ ސަބަބުން ނުވަތަ ވިޔަފާރިއަށް ބޮޑު ބަދަލެއް އައުމުގެ ސަބަބުން މުވައްޒަފަކު ލެވެން ނެތުން.

ހަމަ އެގޮތަށް، ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ބާރު އަޅާ ޙާލަތްތައް ވެސް އެ މައްސަލައެއްގައި ހުރެދާނެއެވެ. އެފަދަ ބައެއް ޙާލަތްތަކަކީ:

މުވައްޒަފުކުރި ޣައިރު ސުލޫކީ އަމަލަކީ އެފަދަ ފުރަތަމަ އަމަލުކަމަށްވެފައި، އެ ޙާލަތުގައި ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އެ މައްސަލައިގެ އެންމެ އެކަށީގެންވާ ޙައްލަކީ އެ މުވައްޒަފަށް އިންޒާރު ދިނުންކަމަށް ބެލެވޭ ޙާލަތްތައް؛

އެ ވަޒީފާއަށް އެ މުވައްޒަފު ރުޖޫއަ ނުކޮށްފިނަމަ، އެ މައްސަލައިގައި ހިމެނޭ މުވައްޒަފުގެ ހުރި ޚާއްޞަ ޙާލަތެއްގެ ސަބަބުން އެހެން ތަނަކުން ވަޒީފާއެއް ހޯދުމަކީ މުސްތަޙީލު ކަމަކަށް ވުން؛

ވަޒީފާއިން ވަކިކުރި އިރު ހުރި ވަޒީފާއަށް ރުޖޫއަ ނުކޮށްފިނަމަ، އެއީ ވަޒީފާދޭ ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުން ކަމަށް ދޭހަވާނޭ ޙާލަތްތައް.

އަނބުރާ އިޢާދަ ނުކުރެވޭނޭ މިންވަރަކަށް، ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވުން

ޢާންމު ގޮތެއްގައި ވަޒީފާގެ ގުޅުމުގައި ދިމާވާ ޚިލާފުވުންތަކާއި ޝައްކުތަކާ އެކުވެސް އެ ގުޅުން ދެމެހެއްޓުމުގެ ގާބިލުކަން ދެ ފަރާތަށް ލިބިގެންވެއެވެ. ވަރަށް މަދު ފަހަރަކު މެނުވީ ސަތޭކަ ޕަސެންޓު އިތުބާރަކީ އޮންނާނެ އެއްޗެއް ނޫނެވެ. އެހެން ކަމުން ސުވާލަކީ ވަޒީފާއަށް އަނބުރާ ރުޖޫޢަ ކުރަން ނުފެންނަ ކަމަށް ނިންމާނީ ވަޒީފާދޭ ފަރާތާއި ވަޒީފާ އަދާކުރާ ފަރާތާ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމަށް ގަބޫލުކުރެވުމުން ހެއްޔެވެ. ވަޒީފާދޭ ފަރާތާއި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފާ ދެމެދުގައި ކޮންމެވެސް މިންވަރެއްގެ އިތުބާރެއް އޮވެގެން މެނުވީ ވަޒީފާގެ ގުޅުން ދެމެހެއްޓުމަކީ އެކަށީގެންވާ ކަމެއް ނޫނެވެ. ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅޭނީ ކޮންމެ މައްސަލައެއްގައިވެސް އެ މައްސަލައެއްގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތައް ވަޒަންކޮށްގެންނެވެ.

އެހެންކަމުން، ވަޒީފާއަށް އަނބުރާ ރުޖޫޢަކުރާނީތޯ ނުވަތަ ބަދަލުދިނުމަށް އަމުރުކުރާނީތޯ ކަނޑައެޅުމުގައި އެ މައްސަލައިގައި ހިމެނޭ ޚާއްޞަ ޙާލަތްތަކަށާއި ކަންކަމަށްޓްރައިބިއުނަލުން ނުވަތަ ކޯޓުން ވަޒަންކުރަންވާނެ އެވެ. މިސާލަކަށް އެ މުވައްޒަފަކީ ވަރަށް ސިއްރު މަޢުލޫމާތުތަކެއް ބަލަހައްޓަންޖެހޭ ގޮތަށް ބޮޑެތި އިޚްތިޔާރުތައް ދީފައި އޮންނަ މުވައްޒަފަކު ކަމަށް ވެފައި، ވަޒީފާދޭ ފަރާތުގެ މުޅި ވިޔަފާރި ދެމިއޮތުމާއި ނެތުން އޮންނަނީ އެ މުވައްޒަފުގެ މައްޗަށް ކުރެވޭ އިތުބާރުގެ މައްޗަށް ކަމަށްވެފައި، އެ މުވައްޒަފުގެ އިތުބާރާ މެދު ވަޒީފާދޭ ފަރާތުގެ ޝައްކެއް އޮތްނަމަ އެ ޙާލަތުގައި ވަޒީފާއިން ވަކިކުރެވުނު މުވައްޒަފު އަނބުރާ ވަޒީފާއަށް ރުޖޫޢަކުރުމަކީ އެންމެ އެކަށީގެންވާ ގޮތްކަމަށް ނުވެ ހިނގައިދާނެއެވެ.

ވަރަށް ގިނަ ފަހަރަށް ވަޒީފާދޭ ފަރާތުން ވަކާލާތުކުރާނީ ވަކިކުރެވިފައިވާ މުވައްޒަފުގެ މައްޗަށް އޮންނަންޖެހޭ އިތުބާރު ގެއްލިފައިވާ ކަމަށް ކަމުގައިވީ ހިނދު، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމުގެ ޙަޤީގަތް ވަރަށް ފަރުވާތެރިކަމާއެކު ވަޒަންކޮށް، ވަޒީފާދޭ ފަރާތުން އެ ބުނާ ބުނުމަކީ ބުއްދީގެ ހަމަތަކުގެ މަތިން ދެކޮޅުޖެހޭ، ހަރުދަނާ ސަބަބުތަކުގެ މައްޗަށް ބިނާ ކޮށްގެން ބުނާ ބުނުމެއްތޯ ބަލަންވާނެއެވެ.

ވަޒީފާދޭ ފަރާތުން ވަޒީފާއިން ވަކިކުރާ މުވައްޒަފަކު އަލުން ވަޒީފާއަށް ނެގުމަށް ވަޒީފާދޭ ފަރާތުން ވަރަށް ގިނަ ފަހަރަށް ފަސްޖެހޭނެއެވެ. އެގޮތަށް ފަސްޖެހޭ ފަސްޖެހުމަކީ ވަޒީފާއަށް ރުޖޫޢަ ނުކުރަންޖެހޭ މަޤުބޫލު އުޒުރެއް ނޫނެވެ. އަދި އެގޮތަށް ފަސްޖެހޭ ފަސްޖެހުމަކީ ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ ގުޅުމުގެ އިތުބާރު މުޅިންހެން ގެއްލިފައިވާ ކަމަށް ބަލަންޖެހޭ ސަބަބެއްވެސް ނޫނެވެ. މިސާލަކަށް، އޮސްޓްރޭލިއާގެ ޤަޟިއްޔާއެއް ކަމުގައިވާ ޕަރކިންސް ވ. ގްރޭސް ވާރލްޑްވައިޑް ގައި ކުންފުނީގެ މުވައްޒަފުންތަކަކަށް އެ ކުންފުނީގެ އެހެން މުވައްޒަފެއް ކަމަށްވާ ޕަރކިންސް މަސްތުވާތަކެތި ސަޕްލައިކޮށްދީފައި ވާތީވެ، ނޯޓިސް ދިނުމެއްނެތި ޕަރކިންސް ވަގުތުން ވަޒީފާއިން ވަކިކުރިއެވެ. މައްސަލައިގައި ޝަރީއަތްކުރި ފަނޑިޔާރު ނިންމާފައިވަނީ ޕަރކިންސް މަސްތުވާތަކެތި ސަޕްލައިކުރި ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި ވަޒީފާއިން ވަކިކުރީ އެކަށީގެންވާ ސަބަބެއް ނެތި ކަމަށެވެ. ނަމަވެސް އެ މައްސަލަ ބެލި ފަނޑިޔާރު ނިންމާފައިވަނީ މުވައްޒަފު އަނބުރާ ވަޒީފާއަށް ރުޖޫޢަކުރަން ނުފެންނަ ކަމަށެވެ. ވަޒީފާއަށް ރުޖޫޢަކުރަން ނުފެންނަ ސަބަބެއްކަމަށް ބަޔާންކޮށްފައިވަނީ ޕަރކިންސް މަސްތުވާތަކެތި ސަޕްލައިކުރި ކަމަށް ވަޒީފާދޭ ފަރާތުން ގަބޫލުކުރާތީވެ އޭގެ ނަތީޖާއެއްގެ ގޮތުން ވަޒީފާދޭ ފަރާތާއި ޕަރކިންސްއާ ދެމެދުގައިވާ އިތުބާރު ގެއްލިފައި ވާތީވެ ވަޒީފާއަށް އަނބުރާ ރުޖޫޢަކުރުމަކީ އަމަލީ ކަމަކަށް ނުވާތީއެވެ. ނަމަވެސް މި މައްސަލައިގައި ޝަރީއަތްކުރި ކޯޓުން ނިންމި ނިންމުން ކޯޓް އޮފް އެޕީލް އިން ބަދަލުކުރަމުން ބުނެފައިވަނީ ވަޒީފާދޭ ފަރާތުން ޣައިރުސުލޫކީ އަމަލެއް ކޮށްފައިވާކަމަށް ތުހުމަތުކޮށް ވަޒީފާއިން ވަކިކުރި އެ މުވައްޒަފު ނެގުމަށް ފަސްޖެހުމަކީ ކޮންމެހެން އެ ދެ ފަރާތުގައިވާ އިތުބާރު ގެއްލިއްފައިވާތީވެ އެ މުވައްޒަފު ވަޒީފާއަށް ރުޖޫއަ ކުރުމަކީ އަމަލީ ގޮތެއް ނޫންކަމަށް ބަލަންޖެހޭ ސަބަބެއް ނޫންކަމަށެވެ. އެޕީލް ކޯޓުގެ ރައުޔަކީ، މިގޮތަށް ކޯޓުގެ ވިސްނުން ބަހައްޓާނަމަ، އެކަމުގެ ސަބަބުން މުވައްޒަފު ވަޒީފާއަށް އަނބުރާ ރުޖޫއަކުރުމަކީ އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަށް ލިބެންވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ އަސާސީ ޙައްޤުން އެ މުވައްޒަފަކު މަހުރޫމުވާނެ ކަމެއް ކަމަށެވެ.

ނަތީޖާ

މާލީ އިދާރާއެއްގެ ވިޔަފާރި ބިނާވެފައި އޮންނާނީ އެ މާލީ އިދާރާއަކާމެދު ކަސްޓަމަރުން ކުރާ އިތުބާރެއްގެ މައްޗަށް ކަމަށްވާއިރު، އެ މާލީ އިދާރާއެއްގައި މަސައްކަތްކުރާ މީހަކު އެ އިދާރާއަކަށް ޞައްޙަ ނޫން މަޢުލޫމާތު ހުށަހެޅުމަކީ ވަރަށް ޙައްސާސީ މައްސަލައެކެވެ. އެހެންކަމުން މިފަދަ އަމަލުތަކަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު ގެއްލި ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް ކަންކަން ކަމުގައިވާހިނދު، އިސްވެ ބަޔާންކޮށްފައިވާ ކަންކަން ހުށަހެޅިފައިވާ މި މައްސަލައަށް ތަތުބީޤު ކުރާއިރު:

ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ށ) ގެ (1) އަދި (2) އަށާއި، ބޭންކް އޮފް މޯލްޑިވްސްގެ ޑިސިޕްލިނަރީ އެންޑް ގްރީވަންސް ޕްރޮސީޖަރގެ 4.11 ގެ (1) އަދި (6) އަށް ޙަވާލާދީ، ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބުރަވެވެން ނެތަތީއާއި؛

ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއިން ވަކިކުރުމަށް ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ނިންމާފައިވަނީ ފާޠިމަތު މަލީޙާ ޖަމާލްއަށް "އެންމެ ފަހުގެ އިންޒާރު" ދިނުމަށް ނިންމި މަޢުޟޫޢުގެ މައްޗަށް، އަދި އެ ނިންމުން ނިންމިއިރު ބޭންކް އޮފް މޯލްޑިވްސްއަށް ލިބިފައިވާ ލިޔުމެއްގެ މައްޗަށް ބިނާކޮށް ކަމުގައިވާތީ އާއި؛

މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލާއިރު، ފާޠިމަތު މަލީޙާ ޖަމާލްއާ ބޭންކް އޮފް މޯލްޑިވްސްއާ 29 އޯގަސްޓް 2012 ގެ ކުރިންނާއި އޭގެ ފަހުން ކޮށްފައިވާ މުޢާމަލާތްތަކުގެ އަލީގައި، ސްރީލަންކާގެ ކޮލަމްބޯގައި 2010 އޮގަސްޓް 13 އިން 2010 އޮގަސްޓް 17 އަށް އޮތް އެޕްލައިޑް ފައިނޭންސް ޕްރޮގްރާމެއްގައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ފާޠިމަތު މަލީޙާ ޖަމާލް ހިމެނޭގޮތުން މުވައްޒަފުންތަކެއް ބައިވެރިވެ، އެފަރާތްތަކުން ކޮލޮމްބޯގައި ތިބުމުގެ ޚަރަދު ހޯދުމަށް ފާޠިމަތު މަލީޙާ ޖަމާލް ހޯދުމަށް އެދުނު ފައިސާ އެފަދައިން ހޯދަން އެދިފައިވާ ސަބަބު ސާފުކޮށް އެނގެން އޮތުމުން؛

އަހުރެންނަށް ބޮޑަށް ބުރަވެވެނީ ފާޠިމަތު މަލީޙާ ޖަމާލް ވަޒީފާއަށް އަނބުރާ ރުޖޫޢަ ނުކޮށްފިނަމަ، އެއީ، ވަޒީފާދިން ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުން ކަމުގައި ވެގެންދާ ކަމުގައެވެ. އަދި އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ލިބެންވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ އަސާސީ ޙައްޤުން މަޙުރޫމު ކުރުންކަމުގައެވެ.

އިސްތިއުނާފުކުރި ނިންމުމުގައި ކަނޑައެޅިފައިވާ ނިންމުމަށްވުރެ ބުރަ ނިންމުމެއް، އެ ނިންމުން އިސްތިއުނާފުކުރާ ފަރާތާމެދު ކަނޑަނޭޅުމުގެ އުޞޫލު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/77 ޤަޟިއްޔާ ނިމުނު ގޮތުގެ ރިޕޯޓުގެ 3 ވަނަ ނަންބަރުގެ (ބ) ގައި އިސްތިއުނާފުކުރާ ފަރާތަށް، އެ އިސްތިއުނާފުކުރި ނިންމުމުގައި ކަނޑައެޅިފައިވާ ނިންމުމަށްވުރެ "ބަރު" (worse position) ނިންމުމެއް، އެ އިސްތިއުނާފީ ނިންމުމުގައި ކަނޑަނޭޅުމުގެ އުޞޫލަކީ ކުރިއަރާފައިވާ ޑިމޮކްރެޓިކް މުޖުތަމަޢުތަކުގައިވެސް ލިޔެވި ޢަމަލުކުރެވެމުން އަންނަ އުޞޫލެއްކަމުގައި ބަޔާންކޮށްފައިވާ ނަމަވެސް، އެ އުޞޫލު ތަޠްބީޤުކުރަނީ ކޮން ޤައުމެއްގައި (ނުވަތަ ޤައުމުތަކެއްގައި) ކިހިނަކުން، ވަކި ހުދޫދެއްގެ ތެރޭގައިކަން ނުވަތަ އެ އުޞޫލު ހިންގެނީ އެއްވެސް ޤައިދު ކުރުމެއް ނެތިކަމުގެ މައްޗަށް އަލިއަޅުވާލައިފައި ނުވާކަން ފާހަގަވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 68 ވަނަ މާއްދާގައި، އަސާސީ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައި، އިންސާނީ ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ، ހުޅުވިފައިވާ ދީމިޤްރާޠީ މުޖްތަމަޢުތަކުން ޤަބޫލުކުރާ އުޞޫލުތަކަށް ރިޢާޔަތްކޮށް، އެއުޞޫލުތައް ނަގަހައްޓަންވާނެ ކަމުގައި ބުނެފައި އޮތުމުގެ މާނައަކީ ހުށަހެޅިފައިވާ މައްސަލައާއި ގުޅޭ ކަމާބެހޭ އުޞޫލު ސާފުކޮށްދިނުމުގެ އިތުރުން، އެއުޞޫލު ބޭނުންކޮށް، އެއުޞޫލެއް އެމައްސަލައަށް ތަޠުބީޤުކުރުމުން ނިކުންނަ ނަތީޖާ ކިޔާދީ، އެޙަވާލާދޭ އުޞޫލު ކަނޑައަޅައި ނުވަތަ ޤާއިމުވެފައި އޮންނަ ގޮތް ދައްކުވާދޭ މައްސަލަތަކަށް ޙަވާލާދީ މައްސަލަ ނިންމުން ކަމުގައި އަހުރެން ދެކެމެވެ.

މީގެ އިތުރުން، ދިވެހިރާއްޖޭގެ ހައިކޯޓުން އިސްތިއުނާފުކުރެވުނު މައްސަލައިގައި ފާހަގަކޮށްފައިވާ prohibition of reformation in peius ގެ އުޞޫލު ތަޠުބީޤުކޮށްފައިވަނީ ވަޒީފާއާ ގުޅިގެން، ވަޒީފާދިން ފަރާތުން އެތަނުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެއްގެ މައްޗަށް އެތަނުގެ އެތެރޭގައި ހަމަޖެހިފައިވާ އިޖުރާއަތުތަކުގެ ތެރެއިން އެޅި ފިޔަވަޅެއް ހަމަ އެ އިޖުރާއަތުގެ ތެރެއިން އިސްތިއުނާފު ކުރުމާއި ޙަވާލާދީ ކަމާއި، އެ ޙާލަތަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 56 ވަނަ މާއްދާގައި ބުނާ ފަދަ އިސްތިއުނާފު ކުރުމުގެ ޙައްޤާއި ގުޅޭ ޙާލަތެއް ކަމުގައި އަހުރެން ނުދެކެމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރަޢުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރަޢުޔު

މި މައްސަލައިގައި ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، އިސްތިއުނާފުކުރެވުނު ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނާ ޚިލާފަށް ކޮށްފައިވާ ޙުކުމެއްކަމަށް ބެލެވޭނެ އެއްވެސް ހަމައެއް ނެތުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2015/HC-A/77 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާޢީދުކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

މަޙާޒު ޢަލީ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ