ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
2017/SC-A/37ސުޕްރީމް ކޯޓު · 8 އޮކްޓޫބަރު 2020

—

ސުޕްރީމް ކޯޓު
ފަހުގެ ޙުކުމެއްގައި ޙަވާލާދީފައެއް ނުފެނޭޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 8 އޮކްޓޫބަރު 2020ބާވަތް: ފައިސާ ހޯދުން

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ޝަރީޢަތް ނިމުނު ގޮތް

ޤަޟިއްޔާ ނަންބަރު:

2017/SC-A/37

އިސްތިއުނާފު ކުރާ ފަރާތް:

ސިވިލް ސަރވިސް ކޮމިޝަން

އިސްތިއުނާފު ރައްދުވާ ފަރާތް:

އަޙްމަދު ޝުޒާދު

މައްސަލައިގެ ބާވަތް:

ވަޒީފާއާބެހޭ

މައްސަލަ އައިގޮތް:

އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން

ހުށަހެޅުނު ތާރީޚު:

25 މެއި 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:

09 ނޮވެމްބަރ 2017ނިމުނު ތާރީޚު:

07 އޮކްޓޯބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

ނަންބަރު:

2016/HC-A/20

ރަޖިސްޓްރީ ކުރެވުނު ތާރީޚު:

19 ޖަނަވަރީ 2015ނިންމި ކޯޓު:

ދިވެހިރާއްޖޭގެ ހައިކޯޓު

ނިމުނު ތާރީޚު:

28 ފެބްރުއަރީ 2017

ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު (ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)

ތަޢާރުފު

ގދ. ފިޔޯރީ، އަޙްމަދު ޝުޒާދު (މީގެ ފަހުން "އިސްތިއުނާފު ރައްދުވާ ފަރާތް" ނުވަތަ "އަޙްމަދު ޝުޒާދު") މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ (މީގެ ފަހުން "މިނިސްޓްރީ" ނުވަތަ "މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ") ގައި ވަޒީފާގައި އަދާކުރަމުން ދަނިކޮށް، އެއްވެސް އިންޒާރެއް ދިނުމަކާ ނުލައި އަދި އެއްވެސް ސަބަބެއް އެންގުމެއްނެތި އޭނާ ވަޒީފާއިން ވަކިކޮށްފައިވެއެވެ. އެހެންކަމުން، އިންސާފުވެރިކަމާއެކު މައްސަލަ ބަލައިދީ، އަޙްމަދު ޝުޒާދު އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ ލިބިދިނުމަށާއި، އަދި ކުއްލިއަކަށް ވަޒީފާއިން ވަކިކުރުމާ ގުޅިގެން އޭނާއަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް އެދި ސިވިލް ސަރވިސް ކޮމިޝަންގެ މައްޗަށް ރައްދުވާގޮތަށް 16 މާރިޗު 2015 ގައި އަޙްމަދު ޝުޒާދު ވަޒީފާއާބެހޭ ޓްރައިބިއުނަލް (މީގެ ފަހުން "ވަޒީފާއާބެހޭ ޓްރައިބިއުނަލް" ނުވަތަ "ޓްރައިބިއުނަލް") އަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އެ މައްސަލަ ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 30/VTR/2015 މައްސަލައިންނެވެ.

ޓްރައިބިއުނަލަށް ހުށަހެޅުނު މި މައްސަލައިގައި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން އަޙްމަދު ޝުޒާދު ވަޒީފާއިން ވަކިކޮށްފައިވަނީ "ވ. ފުލިދޫ، ވައިޖެހޭގެ، މުޙައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށް ބުނެ ވ. ފެލިދޫގައި ހުންނަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރ (މީގެ ފަހުން "ސެންޓަރ" ނުވަތަ "ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރ") އަށް 29 ޑިސެންބަރު 2014 ގައި ހުށަހެޅުނު މައްސަލަ ބެލުމުގައި މިނިސްޓްރީގެ މުވައްޒަފުން ޢަމަލުކޮށްފައިވާގޮތުގެ ރިޕޯޓު" ގައި، ވ. ފުލިދޫ، ވައިޖެހޭގެ، މުޙައްމަދު އިބްތިހާލާ މެދު އެ ސެންޓަރުގެ ފަރާތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އަޙްމަދު ޝުޒާދު އިހުމާލުވެފައިވާކަމަށް ފާހަގަކޮށްފައިވާތީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލައި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު 2014 ގެ 273 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިޢާޔަތްކޮށް، ޤާނޫނު ނަންބަރު 2007/5 (ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު) ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި، ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާ އަދި ސިވިލް ސަރވިސް ޤަވާޢިދުގައި ކަނޑައެޅިފައިވާ ގޮތުގެމަތިން ކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވެއެވެ.

މި މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ އަޙްމަދު ޝުޒާދު ވ. ފެލިދޫ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެ، ޤާނޫނާ އެއްގޮތަށްކަމަށް ބަލާނެ ތަނެއް ނެތްކަމަށާއި، އަޙްމަދު ޝުޒާދަކީ ސިވިލް ސަރވިސްގެ ވަޒީފާއިން ވަކިވެފައިވާ މީހެއް ކަމުގައި ނުބެލުމަށާއި، އެފަރާތް އަދާކުރަމުންދިޔަ ވަޒީފާ ނުވަތަ އަދާކުރަމުންދިޔަ މަޤާމާ އެއް ފެންވަރުގެ އެހެން ވަޒީފާއެއް އެފަރާތަށް ދިނުމަށާއި، 05 އޮގަސްޓް 2015 އިން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި އެކަން ހަމަޖެއްސުމަށްފަހު، އެކަން ހަމަޖެހޭތާ 03 (ތިނެއް) ދުވަހުގެ ތެރޭގައި އެކަން ލިޔުމުން ޓްރައިބިއުނަލަށް އެންގުމަށް ސިވިލް ސަރވިސް ކޮމިޝަނަށް އަންގާ އަމުރުކޮށެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ގެ ފަރާތުން ޓްރައިބިއުނަލްގެ ނަންބަރު 30/VTR/2015 މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާއިންނެވެ. އެ ޤަޟިއްޔާ ނިންމާފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 30/VTR/2015 މައްސަލައިގެ ނިންމުމަށް ބަދަލުގެންނަންޖެހޭ ސަބަބެއް ނެތްކަމަށް އެ މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްދިނުމަށް އެދި، ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރުމުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެ މައްސަލަ ބެލި ގަޟިއްޔާއެވެ.

އިސްތިއުނާފުކުރެވޭ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވާ ގޮތް

އިސްވެ ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ޓްރައިބިނަލްގެ ނަންބަރު 30/VTR/2015 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

29 ޑިސެންބަރު 2014 ގައި ވ. ފެލިދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރަށް ހުށަހެޅުނު މައްސަލައާ ގުޅިގެން، އެ މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބެލުމަށްޓަކައި 30 ޑިސެންބަރު 2014 ގައި އަޙްމަދު ޝުޒާދު ވ. ރަކީދޫއަށް ގޮސްފައިވަނީ އެ ސެންޓަރުގެ އެސިސްޓެންޓް ސޯޝަލް ވޯކަރ އާމިނަތު ޝިޔާޒާއާ އެކު، އާމިނަތު ޝިޔާޒާއަށް އެހީތެރިވުމުގެ ގޮތުން ކަމަށާއި، އެ މައްސަލައާ ގުޅިގެން އަޙްމަދު ޝުޒާދު ކޮށްފައިވާ އެންމެހައި ކަމެއް ކޮށްފައިވަނީ އެފަރާތުގެ އިސްކޮށް މަސައްކަތްކުރަން ދިޔަ އާމިނަތު ޝިޔާޒާ ބުނެފައިވާ ގޮތަށް ކަމާއި، މިބާވަތުގެ މައްސަލަތަކުގައި ކޭސް ލީޑުކުރާނީ ސެންޓަރުގައި ހުންނަ އެންމެ އިސް ފަރާތެއްކަން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ފަރާތުން ބަޔާންކޮށްފައިވާކަން؛

އަޙްމަދު ޝުޒާދު ކުރިމަތިލި އެސިސްޓެންޓް ކައުންސެލަރގެ މަޤާމު 22 ޑިސެންބަރު 2014 އިން ފެށިގެން ހަމަޖެހިފައިވާކަމަށް އޭނާއަށް އަނގަބަހުން އަންގާފައިވާ ކަމުގައި ބުނިނަމަވެސް، ވަޒީފާ ބަދަލުކުރިކަމުގެ އެންގުން ޙަވާލުކުރެވިފައިވަނީ 23 ފެބްރުވަރީ 2015 ގައި ކަން އެގެން އޮތުމުންނާއި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ފަރާތުން އެސިސްޓެންޓް ކައުންސެލަރ މަޤާމުގެ ވަޒީފާއަށް މީހުން ހޯދުމަށްކުރި އިޢުލާނުގައި އެސިސްޓެންޓް ކައުންސެލަރގެ މަޤާމުގައި ކުރަންޖެހޭ އެންމެހައި މަސްޢޫލިއްޔަތުތައް ބަޔާންކޮށްފައިވުމުން، އެ އިޢުލާނަށް ކުރިމަތިލަނީ އެ މަސައްކަތްތަކާއި މަސްޢޫލިއްޔަތުތަކަށް ރުހި ޤަބޫލުވެގެންކަން ސާބިތުވާކަމަށް ސިވިލް ސަރވިސް ކޮމިޝަނުން ބަޔާންކޮށްފައިވާ ނަމަވެސް، މަޤާމަކަށް އެދި ކުރިމަތިލުމަކީ އެ މަޤާމަށް ކުރިމަތިލާ މީހުންގެ ތެރެއިން ވަޒީފާ ދޭނެ މީހަކު ހޮވާ، އެ މީހަކާ މަސައްކަތް ޙަވާލުކުރުމުގެ ކުރިން، އެ މަޤާމުގެ މަސައްކަތާއި މަސްއޫލިއްޔަތު އަދާކުރުމަށް ޙަވާލުވުން ކަމަށް ނުބެލެވޭނެކަން؛

ވ. ފުލިދޫ، ވައިޖެހޭގެ، މުޙައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށް ބުނެ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރަށް 29 ޑިސެން ބަރު 2014 ގައި ހުށަހެޅުނު މައްސަލައިގައި އަޙްމަދު ޝުޒާދު ބައިވެރިވި އިރު، އޭނާއަކީ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭ އެއްވެސް ތަމްރީނެއް ހަދާފައިވާ ފަރާތެއް ނޫންކަމަށާއި، މިނިސްޓްރީގެ ކޭސް މެނޭޖްމެންޓްގެ މަސައްކަތް ކުރުމަށް ނެގޭ ސޯޝަލް ވޯކަރުން ވަޒީފާއަށް ނެގުމާއެކު، އެފަރާތްތަކަށް ތަމްރީނު ދިނުމަށް 3 (ތިނެއް) މަސް ދުވަހުގެ އިންޑަކްޝަން ޕްރޮގްރާމެއް މިނިސްޓްރީގެ ފަރާތުން ހިންގާކަމަށާއި، މި އިންޑަކްޝަން ޕްރޮގްރާމުގައި އަޙްމަދު ޝުޒާދު ބައިވެރިވެފައިވަނީ 11 ޖަނަވަރީ 2015 އިން ފެށިގެން ކަން މައްސަލައިގައި ހިމެނޭ ދެފަރާތުންވެސް ބަޔާންކޮށްފައިވާކަން؛

އަޙްމަދު ޝުޒާދު ކުރަންޖެހޭ މަސައްކަތްތައް ބަޔާންކޮށްދޭ ވަޒީފާ ބަޔާނެއް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން އެފަރާތަށް ދީފައި ނުވާކަމަށް ތަކުރާރުކޮށް ބުނެފައިވާއިރު، އެކަމަށް ސިވިލް ސަރވިސް ކޮމިޝަނުން އިންކާރުކޮށްފައި ނުވާކަމާއި، އެ މަސްޢޫލިއްޔަތުތައް އަޙްމަދު ޝުޒާދުއާ ޙަވާލުކުރިކަން އެނގޭނެ އެއްވެސް ލިޔުމެއް ހުށަހެޅިފައި ނުވާކަން؛

މުޙައްމަދު އިބްތިހާލުގެ މައްސަލައާ ގުޅިގެން ހިންގި ތަޙުޤީޤު ނިމުނުފަހުން 2015 ގެ ފެބްރުވަރީ މަހު މިނިސްޓްރީއަށް ހުށަހެޅުނު ހައި ޕްރަޔޯރިޓީ ކޭސްއެއްގައި މަސައްކަތް ކުރުމަށްޓަކައި ވ. ކެޔޮދޫއަށް އަޙްމަދު ޝުޒާދު ފޮނުވާފައިވާކަމާއި، އަޙްމަދު ޝުޒާދަކީ ކަންކަމުގައި އިހުމާލުވެ، އޮފީހަށް ގެއްލުމެއް ކުރިމަތި ކުރުވާނެ ފަދަ މުވައްޒަފެއް ކަމުގައި ވާނަމަ، އަޙްމަދު ޝުޒާދު އެކަނި އެފަދަ ކޭސްއެއްގެ ކަންތަކުގައި ފޮނުވާނެކަމަށް ޤަބޫލު ނުކުރެވޭކަމަށް އަޙްމަދު ޝުޒާދު ބުނެފައިވާއިރު، އެކަމަށް ސިވިލް ސަރވިސް ކޮމިޝަނުގެ ފަރާތުން އިންކާރުކޮށްފައި ނުވާކަން؛ އަދި

އިސްތިއުނާފު ރައްދުވިފަރާތް ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނެތުން.

އިސްތިއުނާފުކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާ ގޮތް

ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޓްރައިބިއުނަލް ގެ ނަންބަރު 30/VTR/2015 މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ، އެ ނިންމުން އިސްތިއުނާފު ކޮށްދިނުމަށް އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅުމުން، އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާއިން ބަލާފައިވެއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާގައި ނިންމާފައިވަނީ ޓްރައިބިއުނަލްގެ ނަންބަރު ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ކަނޑަޅައި، ހައިކޯޓުގައި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުންނެވެ.

އިސްވެ ބުނެވުނު ފަދައިން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވަނީ އަންނަނިވި ކަންކަމުގެ މައްޗަށް ބިނާކޮށްކަން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުން އެނގެން އޮވެއެވެ.

އަޙްމަދު ޝުޒާދު، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގައި އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ނޯޓިސް އެއް ދިނުމަކާ ނުލައިކަން އެނގޭކަމާއި، ވަޒީފާއާބެހޭ ޤާނޫނުގެ 21 ވަނަ މާއްދާގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައި ބަޔާންވެފައިވާކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދަޢުވާއެއްގައި އޭނާ ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށްދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެއްކަމާއި، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި ނުވަތަ ވަކިކުރުމުގެ ކުރިން، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން އަދި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވޭތޯ ކަށަވަރުކުރުމަށް ފަހުގައިކަން އެނގެން އޮތުން؛

ދިވެހި ސިވިލް ސަރވިސް ޤަވާޢިދު 2014 ގެ 273 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ސިވިލް ސަރވިސްގެ މުވައްޒަފަކާ މެދު ވަގުތުން ފިޔަވަޅު އެޅޭނެ ޙާލަތްތަކަކީ ކޮބައިކަމާއި، އެ މާއްދާގެ (ހ) ގައި ވަނީ "މުވައްޒަފުގެ ކިބައިން އެއްގޮތަކަށްވެސް ޚިދުމަތް ނުލިބުން ނުވަތަ މުވައްޒަފު ޒިންމާ ނުއުފުލުމުގެ ސަބަބުން މަސައްކަތަށް ބޮޑު ގެއްލުންތަކެއް ލިބިދާނެކަމަށް ފެނުން" ކަން އަދި އެ މާއްދާގެ (ށ) ގައި ވަނީ "ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް އިތުރު ގެއްލުން ލިބިދާނެކަމަށް ފެނުން" މިފަދައިން ކަމާއި، އަޙްމަދު ޝުޒާދު ވަޒީފާއިން ވަކިކޮށްފައިވަނީ މި ދެ މާއްދާއަށް ރިޢާޔަތްކޮށްގެންކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނާއިރު، މި ދެ މާއްދާގައިވާ ގޮތަށް މީހަކު ވަޒީފާއިން ވަކިކުރުމުގައި އެކަށީގެންވާ ސަބަބުތަކާއި މަޤުބޫލު ޙުއްޖަތްތަކެއް ނެތި ހަމައެކަނި ސިވިލް ސަރވިސް ކޮމިޝަނަށް ފެންނަ ފެނުމުގެ މައްޗަށް ގޮތް ނިންމިދާނެ ކަމުގައި ބެލެވެން ނެތްކަން؛

އަޙްމަދު ޝުޒާދުއާ ޙަވާލުކުރެވިފައިވާ މަސައްކަތާ އޭނާ އިހުމާލުވެފައިވާކަމަށް ކަނޑައެޅޭނީ އޭނާއާ ޙަވާލުކުރެވިފައިވާ މަސައްކަތަކީ ކޮބައިކަމާއި، އެފަރާތް ޚިލާފުވެފައިވަނީ މިފަދަ މައްސަލަތަކުގައި ޢަމަލުކުރުމަށް އޮންނަ ކޮން އުޞޫލަކަކާން ސާބިތުވާން އޮންނަ ޙާލަތުގައިކަމާއި، އަޙްމަދު ޝުޒާދު އަދާކުރަން ޖެހެނީ ކޮން މަސައްކަތްތަކެއްކަން ބަޔާންކޮށްދޭ ވަޒީފާގެ ބަޔާނެއް ދީފައިނުވާކަމަށް އަޙްމަދު ޝުޒާދުގެ ފަރާތުން ބަޔާންކޮށްފައިވާއިރު، އެފަދައިން ދީފައިވާ ވަޒީފާގެ ބަޔާނެއް ސިވިލް ސަރވިސް ކޮމިޝަނުން ހުށަހަޅާފައި ނުވާކަމާއި، އަދި މިފަދަ މައްސަލަތަކުގައި ކައުންސެލަރުންނަށް މައްސަލައެއް ދިމާވުމުން ޢަމަލުކުރަން އޮންނަ ސްޓޭންޑަޑް ޕްރޮސީޖަރ ބަޔާންކޮށްދޭ ލިޔެކިޔުމެއް ހުށަހަޅާފައި ނުވާކަން؛ އަދި

އަހްމަދު ޝުޒާދު މި (މުޙައްމަދު އިބްތިހާލުގެ) މައްސަލައިގައި ބައިވެރިވިއިރު، އަހްމަދު ޝުޒާދަކީ ފުރިހަމަ ކުރަންޖެހޭ ތަމްރީނުތައް ދެވިފައިވާ ފަރާތެއް ނޫންކަމާއި، އަޙްމަދު ޝުޒާދު ކުޅަކަމަށް އެބުނާ ކަންކަމަކީ އޭނާގެ ފަރާތުން ހެޔޮ ނިޔަތެއްނެތި އިހުމާލުވެފައިވާ ވުމެއްކަމުގައި ބެލެވެން ނެތުން.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ ނުކުތާތަކާއި އެ ނުކުތާތަކަށް ދީފައިވާ ރައްދު

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 03 (ތިން) ސަބަބެއް ހުށަހަޅާފައިވެއެވެ.

ފުރަތަމަ ސަބަބަކީ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމުމުގައި ދައުލަތުން ހުށަހެޅި ހެކިތަކަށް ރިޢާޔަތްކުރުމެއް ނެތި މައްސަލަ ނިންމާފައިވާ ކަމަށާއި، ޝަރީޢަތުން ކުރެވޭ ޙުކުމަކީ މައްސަލައިގެ ބާވަތުން ބަލަންޖެހޭ އެންމެހާ ކަންކަން ބަލައި، ރިޢާޔަތްކުރަންޖެހޭ އެންމަހައި ކަންކަމަށް ރިޢާޔަތްކޮށްގެން ކުރެވޭ ޙުކުމަކަށް ވާންޖެހޭކަމަށް ބަޔާންވެފައިވާ އުޞޫލާވެސް ޚިލާފަށް މައްސަލަ ނިންމާފައިވާކަމަށާއި، އެގޮތުން އަޙްމަދު ޝުޒާދުއާ ޙަވާލުކުރެވުނީ ކޮން މަސައްކަތެއް ކަމާއި އަދި އިހުމާލުވެފައިވަނީ ކޮން މަސައްކަތެއްކަމަށް ދައުލަތުން ހުށަހެޅި ހެކިތަކުން ސާފުވާން އޮތް އިރު އެކަންކަމަށް ރިޢާޔަތްކޮށްފައި ނުވާކަމާއި، އަޙްމަދު ޝުޒާދުއަށް އެސިސްޓެންޓް ކައުންސެލަރގެ ވަޒީފާ 22 ޑިސެންބަރު 2014 ގައި ހަމަޖެހި އޭނާއަށް ފޯނުން އެ މަޢުލޫމާތު ދެވިފައިވާތީ އާއި އެ މަޤާމުގެ މުސާރަ ވެސް އެފަރާތަށް ލިބިފައިވާކަމުން، އަޙްމަދު ޝުޒާދަކީ މަޤާމު ބަދަލުވެފައިވާ ފަރާތެއްކަން އެނގިފައިނުވާކަމަށް އަޙްމަދު ޝުޒާދު ބުނާ ބުނުމަކީ ޙަޤީޤަތާ ޚިލާފު ވާހަކައެއްކަމާއި، ވަޒީފާއަށް ޢައްޔަނުކުރެވުނު ޗިޓު ފަހުގެ ތާރީޚެއްގައި ލިބުމަކީ އެމީހަކު އެ މަޤާމުގެ މަސްއޫލިއްޔަތު އަދާނުކުރުމަށް އޮތް ޤާނޫނީ އުޛުރެއް ނޫންކަމަށާއި، ކުޑަކުދިންނަށް އަނިޔާ ލިބިގެން ހުށަހެޅޭ މައްސަލަތައް ބަލައި ރިޕޯޓު ކުރުން އަޙްމަދު ޝުޒާދުގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނޭއިރު، އެ މައްސަލަ ބެލުމަށް އެފަރާތުން ވ. ރަކީދޫއަށް ދިޔަކަމާއި، އެ މައްސަލަ ބެލުމުގައި އެންމެ އިސްކޮށް އުޅުނު ފަރާތަކީ އަޙްމަދު ޝުޒާދުކަމާއި، އެ މައްސަލަ ބެލުމުގައި އަޙްމަދު ޝުޒާދު އިހުމާލުވެފައިވުމުގެ ސަބަބުން ސިވިލް ސަރވިސް ޤަވާޢިދުގެ 273 މާއްދާގެ (ހ) އާއި (ށ) ގެ ދަށުން ފިޔަވަޅު އެޅުމުގެ ޙައްޤު ސިވިލް ސަރވިސް ކޮމިޝަނަށް ލިބިގެންވާކަމާއި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ތަޙުޤީޤުކުރެވުނު މައްސަލައިގައި އިހުމާލުވެފައިވާކަމަށް ބޮޑަށް ބުރަވެވޭކަމަށް ބެލެވިގެން ކަމުގައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ފުރިހަމަވާކަމަށާއި، އަދި މި މައްސަލައިގައި މުވައްޒަފުގެ މައްޗަށް ތުޙުމަތުކުރެވިފައިވާ ކަމާބެހޭ މަޢުލޫމާތު އިސްތިއުނާފު ރައްދުވާ ފަރާތަށް ދީފައިވާކަމާއި، ތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާކަމާއި، އަދި މައްސަލަ އިދާރީގޮތުން ތަޙުޤީޤު ކޮށްފައިވާތީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރިކުރުމުގައި އިޖުރާޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ސަބަބަކީ، އިސްތިއުނާފު ރައްދުވާ ފަރާތާގުޅޭ މައްސަލަ ނިމުމުގެ ކުރިން، 15 ފެބްރުވަރީ 2015 ގައި މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް ހުށަހެޅުނު ހައި ޕްރަޔޯރިޓީ ކޭސްއެއްގައި މަސައްކަތްކުރުމަށް އިސްތިއުނާފު ރައްދުވާ ފަރާތް ވ.ކެޔޮދޫއަށް ފޮނުވާފައިވާތީ، އަޙްމަދު ޝުޒާދަކީ އޮފީހަށް ގެއްލުމެއް ކުރިމަތިކުރުވާނެ މުވައްޒަފެއްނަމަ އެފަދަ ކޭސްއެއްގައި އޭނާ ފޮނުވާނެކަމަށް ޤަބޫލުކުރެވެން ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައިވާއިރު، އެ ކޭސް އިސްތިއުނާފު ރައްދުވާ ފަރާތާ ޙަވާލުކުރެވިފައިވަނީ އެ ފަރާތާމެދު ތުޙުމަތު ކުރެވިފައިވާ މައްސަލަ ބަލައި މުޅިން ނުނިމެނީސް، އެ މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް އިހުމާލުވެފައިވާކަން ނުވަތަ ނޫންކަން ކަނޑަނޭޅޭނެތީ ކަމަށްވާތީ، މައްސަލަ ބަލައި ގޮތެއް ނިންމެވުމުގެ ކުރިން ކަމާއި، އަޙްމަދު ޝުޒާދަށް ކޭސްއެއް ޙަވާލުކުރުމަކީ ތުހުމަތު ކުރެވިފައިވާ މައްސަލައިގައި އިހުމާލުވެފައި ނުވާކަމަށް ނިންމޭނެ ޤާނޫނީ ސަބަބެއްނޫން ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ތިންވަނަ ސަބަބަކީ، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ކައުންސެލަރުން މަސައްކަތްކުރަމުން އަންނަ ސްޓޭންޑަރޑް ޕްރޮސީޖަރ ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށާހަޅާފައިވާކަމާއި، އަދި މައްސަލަ އެ ކޯޓުގައި އިސްތިއުނާފު ކުރެވުނުއިރު ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 30/VTR/2015 މައްސަލަ ނިމުނުގޮތުގެ ރިޕޯޓުގައިވެސް ޕްރޮސީޖަރ މެނުއަލް ހިމެނިފައިވާތީ، އެ ޕްރޮސީޖަރ ހުށަހެޅިފައި ނުވާކަމަށް ހައިކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވަނީ ރަނގަޅަށްނޫން ކަމަށްބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށް ބުނެ ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ހުށަހަޅާފައިވާ ސަބަބުތަކަށް ރައްދުދިނުމުގެ ގޮތުން އަޙްމަދު ޝުޒާދުގެ ފަރާތުން މައިގަނޑު 2 (ދޭއް) ނުކުތާއެއް ފާހަގަކޮށްފައިވެއެވެ.

ފުރަތަމަ ނުކުތާއަކީ، މުޙައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކުރި މައްސަލައާ ގުޅިގެން ކުރެވުނު އެންމެހާ ތަޙުޤީޤުތަކުގައި ބަޔާން ނެގުމަށްފަހު، އެ މައްސަލައާ ގުޅޭ ތަޙުޤީޤު ރިޕޯޓު 01 މާރިޗު 2015 ގައި ޢާންމު ކުރެވުނު ކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ތަޙުޤީޤުކުރެވުނު މައްސަލައިގައި ކަންހިނގާފައިވާގޮތް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއަށް އެނގިތިބެ އަޙްމަދު ޝުޒާދުއާ ފެބްރުވަރީ މަހު ކޭސްއެއް ހަވާލުކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދެވަނަ ނުކުތާއަކީ، އިސްތިއުނާފުކުރާ ފަރާތުން ބުނާ ތާރީޚުގައި ވަޒީފާ ބަދަލުވެފައިވާ ކަމާއި، އަޙްމަދު ޝުޒާދަށް އޭނާ އަލަށް ޙަވާލުވި މަޤާމުގެ މަސްއޫލިއްޔަތުތައް އެނގޭނެކަމަށް ބަޔާންކޮށްފައި ވީނަމަވެސް، ސިވިލް ސަރވިސް ޤަވާޢިދުގައި އަދި ވަޒީފާއާބެހޭ ޤާނޫނުގައިވެސް ވަޒީފާގެ ބަޔާން ލިޔުމުން ޙަވާލުކުރުމަށް އޮންނައިރު، އަޙްމަދު ޝުޒާދުއަށް ވަޒީފާ ބަދަލުވިކަމުގެ އެންގުން އަންގާފައިވަނީ ޓްރެއިނިންގ އެއް ހެދުމަށް ޖަނަވަރީ 2015 ވަނަ އަހަރު މާލެ އައުމުންކަމަށާއި، ކުރިން އަދާކުރަމުން ދިޔަ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމާއި، ބަދަލުވި މަޤާމުގެ ޗިޓުގައިވެސް ވަނީ އެއް މުސާރައެއް ކަމަށާއި، ވަޒީފާ ބަޔާނެއްވެސް ލިބިފައިނުވާކަމަށް ބުނެ ހުށަހަޅާފައިވާ ސަބަބެވެ.

ދިވެހި ސިވިލް ސަރވިސްގެ ވަޒީފާއިން އަޙްމަދު ޝުޒާދު ވަކިކުރި ސަބަބު

މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ އެސިސްޓަންޓް ކައުންސެލަރގެ މަޤާމުން އަޙްމަދު ޝުޒާދު ވަކިކޮށްފައިވަނީ މިނިސްޓްރީއިން އެގޮތަށް އެދިފައިވުމުން، ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 273 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ރިޢާޔަތްކޮށް، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނު ގެ 47 ވަނަ މާއްދާގެ (ނ) ގެ 3 ވަނަ ނަންބަރުގެ ދަށުން ކަމަށް ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބަޔާންކުރާތީ، އަޙްމަދު ޝުޒާދު ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބަކީ ކޮބައިކަމުގެ މައްޗަށް ބަލަންޖެހެއެވެ.

އަޙްމަދު ޝުޒާދު މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ އެސިސްޓަންޓް ކައުންސެލަރގެ މަޤާމުން ވަކިކުރުމަށް އެ މިނިސްޓްރީއިން އެދިފައިވަނީ "ވ. ފުލިދޫ، ވައިޖެހޭގެ، މުޙައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށް ބުނެ ވ. ފެލިދޫގައި ހުންނަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރަށް 29 ޑިސެންބަރު 2014 ގައި ހުށަހެޅުނު މައްސަލަ ބެލުމުގައި މިނިސްޓްރީގެ މުވައްޒަފުން ޢަމަލުކޮށްފައިވާގޮތުގެ ރިޕޯޓު" (މީގެ ފަހުން "ރިޕޯޓު") ގައި، މުޙައްމަދު އިބްތިހާލާމެދު އެ ސެންޓަރުގެ ފަރާތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމުގައި އަޙްމަދު ޝުޒާދު އިހުމާލުވެފައިވާކަމަށް ފާހަގަކޮށްފައިވާތީ، އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމުގެ މައްޗަށް ބަލާފައި ކަމުގައި ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވެއެވެ.

އިސްވެ ބަޔާންކުރެވުނު ރިޕޯޓަކީ 29 ޖަނަވަރީ 2015 ގައި އެޓަރނީ ޖެނެރަލް އެކުލަވާލި 3 (ތިނެއް) މެންބަރުންގެ ކޮމިޓީއަކުން އެކުލަވާލާފައިވާ ރިޕޯޓެއްކަމާއި، އެ ރިޕޯޓު ތައްޔާރުކުރުމުގައި ކަމާބެހޭ ލިޔުންތައް ބަލައި، ކަމާބެހޭ މުވައްޒަފުންނާއި ސުވާލުކޮށް މަޢުލޫމާތު ހޯދުމަށްފަހު، ރިޕޯޓުގައި އެ މަޢުލޫމާތު ހިމަނައި، މައްސަލަ ބެލި ކޮމިޓީއަށް ފާހަގަކުރެވުނު ކަންކަމާއި، އެ ކޮމިޓީން އަޅަން ހުށަހަޅާ ފިޔަވަޅުތައް ބަޔާންކޮށްފައިވާކަން އެ ރިޕޯޓުން އެނގެން އޮވެއެވެ.

އަޙްމަދު ޝުޒާދު ވެފައިވާކަމަށް ރިޕޯޓުގައި ބަޔާންކުރާ އިހުމާލު

"ވ. ފުލިދޫ، ވައިޖެހޭގެ، މުޙައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށް ބުނެ ވ. ފެލިދޫގައި ހުންނަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރަށް 29 ޑިސެންބަރު 2014 ގައި ހުށަހެޅުނު މައްސަލަ ބެލުމުގައި މިނިސްޓްރީގެ މުވައްޒަފުން ޢަމަލުކޮށްފައިވާ ރިޕޯޓު" ގެ 12 ވަނަ ޞަފުޙާއާއި 13 ވަނަ ޞަފުޙާގައި، މައްސަލަ ބެލި ކޮމިޓީން އަޙްމަދު ޝުޒާދު އިހުމާލުވެފައި ވާކަމަށް ބުނެ ފާހަގަކޮށްފައިވާ ކަންކަމަކީ:

ވ.ރަކީދޫ އަށް ދިއުމަށްފަހު، ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރުގެ ފަރާތުން އެ ރަށަށް ދިޔަ މުވައްޒަފުން ކަމުގައިވާ އާމިނަތު ޝިޔާޒާއާއި އަޙްމަދު ޝުޒާދު އެރަށުން 31 ޑިސެންބަރު 2014 ގައި ފުރިއިރު، މުޙައްމަދު އިބްތިހާލް ހުރީ އެރަށުގެ ފެމިލީ ހެލްތް ވަރކަރ އާރިފާ މުޙައްމަދުގެ ބެލުމުގެ ދަށުގައި ކަމުގައި ބުނެ، އަޙްމަދު ޝުޒާދު މިނިސްޓްރީގެ ސީނިއަރ ސޯޝަލް ސަރވިސް ވަރކަރ މުޙައްމަދު ރަޝީދުއަށް މަޢުލޫމާތު ދިންއިރު، އަޙްމަދު ޝުޒާދުއަށް މުޙައްމަދު އިބްތިހާލު ހުރިތަނެއް ކަނޑައެޅިގެން ނޭނގޭކަން؛

ވ.ރަކީދޫއިން ސެންޓަރގެ މުވައްޒަފުން ފުރިއިރު، މުޙައްމަދު އިބްތިހާލް އޭނާގެ މަންމަގެ ކިބައިން ނަގައި، އޭނާ ބެލެހެއްޓުމަށް އާރިފާ މުޙައްމަދުއާ އަޙްމަދު ޝުޒާދު (ރަސްމީކޮށް ނުވަތަ ނުރަސްމީކޮށް ނަމަވެސް) ހަވާލުކޮށްފައިވާކަން ކަށަވަރުނުވުން؛

ވ.ރަކީދޫއިން ސެންޓަރގެ މުވައްޒަފުން ފުރިއިރު، މުޙައްމަދު އިބްތިހާލް އޭނާގެ މަންމަގެ ކިބައިން ނަގައި، އޭނާ ބެލެހެއްޓުމަށް އާރިފާ މުޙައްމަދުއާ ޙަވާލުކުރުމަށް ނުވަތަ ކުއްޖާ ރައްކާތެރި މާޙައުލަކަށް ގެނައުމަށް އަޙްމަދު ޝުޒާދު މަސައްކަތްކޮށްފައި ނުވުން؛

31 ޑިސެންބަރު 2014 އަށްފަހު، މިނިސްޓްރީން ދީފައިވާ އިރުޝާދާއި އެއްގޮތަށް މުޙައްމަދު އިބްތިހާލްގެ ޙާލަތު ބެލުމުގެ ކަންކަން ޤަވާޢިދުން އަޙްމަދު ޝުޒާދު ފަރުވާތެރިކަމާއެކު ކޮށް، މުޙައްމަދު އިބްތިހާލުގެ ޙާލަތު މޮނިޓަރ ކޮށްފައި ނުވުން؛ އަދި

10 ޖަނަވަރީ 2015 ގައި އަޙްމަދު ޝުޒާދު މާލެ އައުމަށްފަހު، މުޙައްމަދު އިބްތިހާލް ހުރީ "ސޭފް ހޯމް" އެއްގައިކަމަށް ބުނެ، އަޙްމަދު ޝުޒާދު މިނިސްޓްރީގެ ސީނިއަރ ސޯޝަލް ސަރވިސް ވަރކަރ މުޙައްމަދު ރަޝީދުއަށް މަޢުލޫމާތު ދިންއިރު، އެވަގުތު މުޙައްމަދު އިބްތިހާލް ހުރިތަނެއް އަޙްމަދު ޝުޒާދުއަށް އެނގިފައިނުވުން.

އިސްވެ ބަޔާންކުރެވުނު ރިޕޯޓުގައި، 29 ޑިސެންބަރު 2014 ގައި ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރަށް ހުށަހެޅުނު މައްސަލައާ ގުޅޭގޮތުން މަޢުލޫމާތު ހޯދާފައިވަނީ އެ ސެންޓަރުގެ އެސިސްޓަންޓް ސޯޝަލް ސަރވިސް ވަރކަރ އާމިނަތު ޝިޔާޒާއާއި، އެ ސެންޓަރުގެ އެސިސްޓަންޓް ކައުންސެލަރ އަޙްމަދު ޝުޒާދުއާއި، މިނިސްޓްރީގެ ޗައިލްޑް ރައިޓްސް ޑިވިޜަންގެ ސީނިއަރ ސޯޝަލް ވަރކަރ މުޙައްމަދު ރަޝީދުއާއި، މިނިސްޓްރީގެ ޗައިލްޑް ރައިޓްސް ޑިވިޜަންގެ ޑިރެކްޓަރ މުޙައްމަދު ޝަކީބުއާއި، މިނިސްޓްރީގެ ޗައިލްޑް ރައިޓްސް ޑިވިޜަންގެ އެސިސްޓަންޓް ޑިރެކްޓަރ އަކްރަމް ޙުސައިންގެ ކިބައިންކަން އެ ރިޕޯޓުން އެނގެއެވެ. އަދި މިނިސްޓްރީގެ މުވައްޒަފުން ޢަމަލުކޮށްފައިވާ ގޮތް ބެލުމުގެ ގޮތުން އިސްވެ ބަޔާންކުރި ފަރާތްތަކުގެ އިތުރުން، އެހެން އެއްވެސް ފަރާތަކާއި ސުވާލުކުރިނަމަ ނުވަތަ އެއްވެސް ލިޔެކިޔުމަކަށް ރިޢާޔަތްކުރިނަމަ، އެކަން ރިޕޯޓުން އެނގެން ނެތްކަން ފާހަގަވެއެވެ.

އަޙްމަދު ޝުޒާދުގެ ވަޒީފާ ބަދަލުވުމާއި އޭނާ ވެފައިވާ ކަމަށް ބުނާ އިޙުމާލާއި އޮތް ގުޅުން

މިކޯޓުގައި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާ އިސްތިއުނާފުކުރި އިރު ހުށަހަޅާފައިވާ ނުކުތާތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ އެސިސްޓަންޓް ކައުންސެލަރގެ މަޤާމަށް އަޙްމަދު ޝުޒާދު ބަދަލުކުރިއިރު އަދި އޭގެ ފަހުން ކަންހިނގާދިޔަ ގޮތާއި ގުޅޭ ނުކުތާތަކެއް އިސްތިއުނާފުކޮށްފައިވާތީ، އެކަންކަމުގެ މައްޗަށް ބެލުން މުހިންމު ކަމުގައި ދެކެމެވެ.

15 ޖޫން 2014 ވަނަ ދުވަހުން ފެށިގެން އަޙްމަދު ޝުޒާދު އަދާކުރަމުން ގޮސްފައިވަނީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ އެޑްމިނިސްޓްރޭޓިވް އޮފިސަރެއްގެ މަޤާމު ކަމާއި، އޭނާގެ ވަޒީފާ 22 ޑިސެންބަރު 2014 ގައި އެސިސްޓެންޓް ކައުންސެލަރުގެ ވަޒީފާއަށް ބަދަލުކޮށް އެކަން އަޙްމަދު ޝުޒާދަށް ފޯނުން އަންގާފައިވާ ނަމަވެސް، އަޙްމަދު ޝުޒާދުއަށް ވަޒީފާ ބަދަލުކުރިކަމުގެ ޗިޓު ލިބިފައިވަނީ 23 ފެބްރުވަރީ 2015 ގައެވެ. މިކަންކަމުގެ މައްޗަށް އަޙްމަދު ޝުޒާދު އަދި ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ޚިލާފެއް ނުއުފައްދައެވެ. އަޙްމަދު ޝުޒާދު އާއި ސިވިލް ސަރވިސް ކޮމިޝަނާމެދު ޚިލާފު އުފެދެނީ އެސިސްޓެންޓް ކައުންސެލަރުގެ ވަޒީފާއާ ގުޅިގެން އަޙްމަދު ޝުޒާދު އުފުލަންޖެހޭ ޒިންމާ އޭނާ އުފުލުމުގައި އިހުމާލުވެފައިވާކަން ނުވަތަ ނޫންކަމުގެ މައްޗަށެވެ.

ސިވިލް ސަރވިސް ކޮމިޝަންގެ ފަރާތުން ބުނާ ގޮތުގައި އަޙްމަދު ޝުޒާދުގެ ފަރާތުން އޭނާގެ މަޤާމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އެކަށީގެންވާ ގޮތެއްގައި އަދާކޮށްފައި ނުވުމުގެ ސަބަބުން އޭނާ އިހުމާލުވެފައިވެއެވެ. އަޙްމަދު ޝުޒާދު ބުނާގޮތުން، އޭނާއަށް އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތަކީ ކޮބައިކަން އަންގާ، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ކަން ކުރަންޖެހޭ ގޮތުގެ އިރުޝާދު ލިބިފައި ނުވެއެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ބުނާ ގޮތުގައި އަޙްމަދު ޝުޒާދުގެ މަސްއޫލިއްޔަތުގެ ތެރޭގައި ކުޑަކުދިންނަށް އަނިޔާ ލިބިގެން ހުށަހެޅޭ މައްސަލަތައް ބަލައި ރިޕޯޓު ކުރުން ހިމެނޭއިރު، އެ މައްސަލަ ބެލުމަށް އަޙްމަދު ޝުޒާދު ވ. ރަކީދޫއަށް ގޮސް، މައްސަލަ ބެލުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރި ވެފައިވާހިނދު، އެ މައްސަލަ ބެލުމުގައި އަޙްމަދު ޝުޒާދު އިހުމާލުވެފައިވާކަން އެނގެއެވެ. އަދި އެކަމުގެ ސަބަބުން، އަޙްމަދު ޝުޒާދު ވަޒީފާއިން ވަކިކުރަންޖެހެއެވެ.

އަޙްމަދު ޝުޒާދުގެ ވަޒީފާ، 22 ޑިސެންބަރު 2014 ގައި އެސިސްޓެންޓް ކައުންސެލަރުގެ ވަޒީފާއަށް ބަދަލުކޮށްފައިވާ ނަމަވެސް، މިނިސްޓްރީގެ ކޭސް މެނޭޖްމެންޓްގެ މަސައްކަތް ކުރާ ފަރާތްތަކަށް ވަޒީފާ ހަމަޖެހުމާއެކު ތަމްރީނު ދިނުމަށް 3 (ތިނެއް) މަސް ދުވަހުގެ އިންޑަކްޝަން ޕްރޮގްރާމެއް މިނިސްޓްރީގެ ފަރާތުން ހިންގާކަމަށާއި، އޭނާއަކީ މި ބާވަތުގެ މަސައްކަތްތަކާ ގުޅޭ އެއްވެސް ތަމްރީނެއް ހަދާފައިވާ މީހެއްއް ނޫންކަމަށާއި، މި އިންޑަކްޝަން ޕްރޮގްރާމުގައި އަޙްމަދު ޝުޒާދު ބައިވެރިވެފައިވަނީ 11 ޖަނަވަރީ 2015 އިން ފެށިގެން ކަމުގައި އަޙްމަދު ޝުޒާދު ބުނެއެވެ. މީގެ އިތުރުން، އެސިސްޓެންޓް ކައުންސެލަރގެ މަޤާމުގައި ހުންނަ މީހަކު ކުރަންޖެހޭ މަސައްކަތާއި އަދާކުރަންޖެހޭ އެންމެހައި މަސްޢޫލިއްޔަތުތަކަކީ ކޮބައިކަން އިންޑަކްޝަން ޕްރޮގްރާމުގައި ބައިވެރިވުމަށް ޖެނުއަރީ 2015 ގައި މާލެ އައުމުގެ ކުރިން އޭނާއަށް ނޭނގޭކަމުގައިވެސް އަޙްމަދު ޝުޒާދު ބުނެއެވެ.

މިކަންކަމުގެ އިތުރުން، ޓްރައިބިނަލްގެ ނަންބަރު 30/VTR/2015 މައްސަލައާއި ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާގެ ރިޕޯޓުން:

އަޙްމަދު ޝުޒާދު ވ. ރަކީދޫއަށް ގޮސްފައިވަނީ އެ ސެންޓަރުގެ އެސިސްޓެންޓް ސޯޝަލް ވޯކަރ އާމިނަތު ޝިޔާޒާއާ އެކު، އާމިނަތު ޝިޔާޒާއަށް އެހީތެރިވުމުގެ ގޮތުން ކަމާއި؛

މިބާވަތުގެ މައްސަލަތަކުގައި ކޭސް ލީޑުކުރާނީ ސެންޓަރުގައި ހުންނަ އެންމެ އިސް ފަރާތެއްކަން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ފަރާތުން ބަޔާންކޮށްފައި ވާކަމާއި؛

އަޙްމަދު ޝުޒާދުއަށް އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތު ސާފުކޮށްދިނުމުގެ ގޮތުން އަދި އެ ވަޒީފާގައި ކުރަންޖެހޭ މަސައްކަތްތައް ބަޔާންކޮށްދިނުމުގެ ގޮތުން ވަޒީފާ ބަޔާނެއް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރއިން އޭނާއަށް ދީފައި ނުވާކަން؛

ފާހަގަވެއެވެ. މިނުކުތާތައް މި މައްސަލައާއި ގުޅިގެން މުހިންމުވަނީ، 22 ޑިސެންބަރު 2014 އިން ފެށިގެން އަޙްމަދު ޝުޒާދު ހުރީ އެސިސްޓެންޓް ކައުންސެލަރުގެ ވަޒީފާގައި ކަމުގައިވާތީއާއި، އެ ވަޒީފާގެ މަސައްކަތާއި މަސްއޫލިއްޔަތު އަދާކުރުމަކީ އަޙްމަދު ޝުޒާދު ވެފައިވާކަމަށް (އެ މައްޗަށް ބިނާކޮށް އޭނާ ވަޒީފާއިން ވަކިކުރި) ރިޕޯޓުގައި ފާހަގަކޮށްފައިވާ އިހުމާލާއި ސީދާ ގުޅޭ ކަންކަން ކަމުގައިވާތީއެވެ.

ޤާނޫނީ ގޮތުން ލާޒިމް އިޖުރާއަތު

ވަޒީފާގައި ހުރި މުވައްޒަފަކު ވަކިކުރުމުގައި ޢަމަލުކުރަންޖެހޭ އިޖުރާއަތުގެ ގޮތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް) އަދި 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ގައި އެކަށައަޅާފައިވާ ލާޒިމު އިޖުރާއަތަކީ، ސިވިލް ސަރވިސް ހިމެނޭގޮތުން، (ވަޒީފާއާބެހޭ ޤާނޫނުގައި އިސްތިސްނާ ކޮށްފައިވާ ފަރާތްތައް ފިޔަވައި) ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ހުރިހާ ފަރާތެއްމެ ވަޒީފާއިން ވަކިކުރުމުގައި، އެ މައްޗަށް ޢަމަލުކުރަންޖެހޭނެ އިޖުރާއަތެކެވެ.

މިގޮތުން، ނޯޓިހެއް ދިނުމަކާ ނުލައި، މުވައްޒަފަކު އޭނާގެ ވަޒީފާއިން ވަކިކުރެވޭނީ އޭނާގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވުމާއެކު، އޭނާ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ، އެކަށީގެންވާ ހަމަތަކަށް ބަލާއިރު، ކުރެވޭނެ ކަމެއް ކަމަށް ވަޒީފާދޭ ފަރާތަށް ނުފެންނަ ހާލަތްތަކުގައެވެ. އަދި ވަޒީފާ އަދާކުރާ ފަރާތެއްގެ މަސައްކަތުގެ އަޚްލާޤު އެކަށީގެން ނުވާކަމަށް ބެލޭނީ އެމީހަކު ވަޒީފާގައި އިތުރަށް ބެހެއްޓުމުން ވަޒީފާދޭ ފަރާތަށް ނުވަތަ ވަޒީފާ އަދާކުރާ ތަނަށް ގެއްލުންތަކެއް ލިބިދާނެ ކަމަށް ފެންނަނަމަ، ނުވަތަ އެމީހަކު ޚިޔާނާތެއް ވެފައިވާނަމައެވެ.

މުވައްޒަފަކު ވަޒީފާއިން ވަކިކުރުމާ ގުޅިގެން، އެ މުވައްޒަފަކު ހުށަހަޅާ ޝަކުވާއެއް ނުވަތަ ދައުވާއެއްގައި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރި ސަބަބަކީ އެކަށީގެންވާ ސަބަބެއްކަން ސާބިތުކޮށް ދިނުމަކީ ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ (ހ) ގެ ދަށުން ނޯޓިސް ދިނުމަކާ ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރުވެސް މައުޟޫޢީ ޢަދުލުވެރިކަން (Substantive Fairness) އަދި އިޖުރާއީ ޢަދުލުވެރިކަން (Procedural Fairness) ޤާއިމުކުރުން ލާޒިމުކަމުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން ކުރިން ނިންމާފައިވާ ޤަޟިއްޔާތަކުގައި އެކަށައަޅައި، އެކަން ވަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނުގައި އިސްތިޤުރާރުވެފައި ވެއެވެ.

މައުޟޫއީ ޢަދުލުވެރިކަން

ނޯޓިސްނުދީ މުވައްޒަފަކު ވަޒީފާއިން ވަކިކުރެވޭނީ ޢަދުލުވެރި ސަބަބެއް އޮވެގެންކަމާއި، ޢަދުލުވެރި ސަބަބެއް އޮތްކަމަށް ބެލެވޭނީ ފާޅުކަންބޮޑު ޣައިރު ސުލޫކީ އަމަލެއް ކޮށްފައިވާނަމަ ނުވަތަ ޚިޔާނާތެއް ވެފައިވާނަމަކަން ވަޒީފާއާބެހޭ ޤާނޫނު އިން އެނގެން އޮވެއެވެ.

މުވައްޒަފު ކުރި އަމަލަކީ ނޯޓިސް ދިނުމެއްނެތި މުވައްޒަފަކު ވަޒީފާއިން ވަކިކުރުން ހުއްދަވާފަދަ ފާޅުކަން ބޮޑު ޣައިރުސުލޫކީ އަމަލެއްކަމަށް ބެލެވޭނީ، މުވައްޒަފުކުރި އަމަލަކީ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ ވަޒީފާގެ ގުޅުން އެއްކޮށް ކެނޑޭ މިންވަރުގެ ސީރިއަސް އަމަލެއް ކަމަށް ވާނަމައެވެ. މިގޮތުން، މުވައްޒަފުގެ ޣައިރުސުލޫކީ އަމަލަކީ:

ދެ ފަރާތުގެ ދެމެދުގައިވާ ވަޒީފާގެ އެއްބަސްވުމުގެ ޖައުހަރީ ޝަރުތަކާ ޚިލާފުކަމެއް ކަމަށް ވާނަމަ؛ ނުވަތަ

އެ ކަމަކީ ވަޒީފާދޭ ފަރާތާއި މުވައްޒަފާއި ދެމެދުގައި އޮންނަ ވަޒީފާގެ ގުޅުމުގައި ހިމެނޭ އެންމެ މައިގަނޑު ސިފަކަމަށްވާ ދެ ފަރާތުގެ ދެމެދުގައި އޮންނަންޖެހޭ އިތުބާރު އަދި އަމާނާތްތެރިކަން ގެއްލޭފަދަ ކަމެއްކަމަށް ވާނަމަ؛ ނުވަތަ

އެކަމަކީ އެ މުވައްޒަފަކު ވަޒީފާދޭ ފަރާތަށް އަދާކުރަންޖެހޭ ވަޒީފާގެ އިލްތިޒާމުތަކާ އަސާސީގޮތުން ނުވަތަ ސީދާގޮތެއްގައި ޚިލާފު ކަމެއްކަމަށް ވާނަމަ؛

އެ އަމަލަކީ ނޯޓިސް ދިނުމެއްނެތި ވަޒީފާއިން ވަކިކުރުމަށް ހުއްދަވެދާނޭ ފާޅުކަންބޮޑު ޣައިރުސުލޫކީ އަމަލެއް ކަމަށް ބެލެވިދާނެއެވެ. އެހެންނަމަވެސް، އެ މުވައްޒަފަކު ވަޒީފާއަދާކުރާ ތަނުން ކުރާ މަސައްކަތުގެ ބާވަތާއި، އެ މުވައްޒަފުގެ މަޤާމާއި މަސްޢޫލިއްޔަތާއި އަދި މުވައްޒަފުގެ ކިބައިގައި ހުންނަންޖެހޭ އަމާނާތްތެރިކަމުގެ ޒިންމާއާ ގުޅިގެން ޣައިރުސުލޫކީ އަމަލުގެ ސީރިއަސްކަން ތަފާތުވެގެން ދިއުމަކީ އެކަށީގެންވާކަމެކެވެ. އަދި މުވައްޒަފު ކުރި ޣައިރުސުލޫކީ އަމަލުގެ ސަބަބުން ވަޒީފާދޭ ފަރާތާއި ވަޒީފާއަދާކުރާ ފަރާތާ ދެމެދު އޮންނަ ވަޒީފާގެ އިތުބާރު ގެއްލި، ވަޒީފާއަދާކުރާ ފަރާތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު ތެދުވެރިކަމާއެކު އަދާކުރުމަށް ހުރަސްއެޅިފައިވާ ނަމަ، ނޯޓިސް ނުދީ އެ މުވައްޒަފަކު ވަކިކުރުމުގެ އިޚްތިޔާރު ވަޒީފާދޭ ފަރާތަށް ލިބިގެންވެއެވެ.

އަޙްމަދު ޝުޒާދު ވަޒީފާ އަދާކުރަމުން ދިޔައީ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ހިނގާ ވ. ފެލިދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ އެސިސްޓެންޓް ކައުންސެލަރ އެއްގެ ވަޒީފާގައި ކަމުން، އަދި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކަކީ ދައުލަތުގެ ފަރާތުން ޚާއްޞަ އެހީތެރިކަމާއި ރައްކާތެރިކަން ލިބިދޭންޖެހޭ ފަރާތްތަކަށް ގާތުން ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ފަރާތުން ދިވެހިރާއްޖޭގެ އެކި އަތޮޅުތަކުގައި ޤާއިމުކޮށްފައިވާ އިޖްތިމާޢީ މަރުކަޒުތަކެއް ކަމުގައިވާތީ، އެ އިދާރާތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މައިގަނޑު މަސްއޫލިއްޔަތަކީ އެފަދަ ފަރާތްތަކަށް ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި މިފަދަ މަރުޒަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަކީ އެފަރާތްތަކުން ކުރިމަތިލާންޖެހޭ ނާޒުކު ޙާލަތްތަކާއި ކެރިގެން ކުރިމަތިލާ، އެ ޙާލަތްތަކުގައި އަނިޔާ ލިބިފައިވާ ފަރާތްތަކަށް އެކަށިގެންވާ އެހީތެރިކަން ފޯރުކޮށްދީ، އެފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މައިގަނޑު މަސައްކަތް މަތިކުރެވިފައިވާ މުވައްޒަފުންނެވެ. އަދި ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަކީ މީހުންނަށް ދިމާވާ ނުވަތަ މެދުވެރިވާ އިޖްތިމާޢީ އެކި މައްސަލަތަކާއި ގޮންޖެހުން ތަކުގައި އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގެ ފުރަތަމަ ސަފުގައި ތިބޭ މުވައްޒަފުންތަކެއް ކަމުގައިވާތީ، އެފަރާތްތަކުގެ މައްޗަށް އޮންނަ ޒިންމާ އިތުރަށް މުހިންމުވެއެވެ.

ހުށަހެޅިފައިވާ މައްސަލައިގައި އަޙްމަދު ޝުޒާދު ވަޒީފާއިން ވަކިކުރެވިފައިވާ ސަބަބަކީ އިސްވެ ދެންނެވުނު މިންގަނޑަށް ބަލާއިރު އެކަށީގެންވާ ސަބަބެއްކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، މި ރައުޔުގެ 14 ވަނަ ޕެރެގްރާފުގައި ބަޔާންކޮށްފައިވާ ކަންކަމާއި، މި ރައުޔުގެ 17 ވަނަ ޕެރެގްރާފުން ފެށިގެން 20 ވަނަ ޕެރެގްރާފުގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަންކަމާއި، އަޙްމަދު ޝުޒާދުގެ ފަރާތުން މުޙައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މިނިސްޓްރީގެ މުވައްޒަފުން ޢަމަލުކޮށްފައިވާ ގޮތް ބެލުމަށްފަހު ތައްޔާރުކުރި ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަންކަމަށް ބެލުމުން:

އަޙްމަދު ޝުޒާދާއެކު ވ. ރަކީދޫއަށް ދިޔަ އެސިސްޓެންޓް ސޯޝަލް ވޯކަރ އާމިނަތު ޝިޔާޒާގެ ފަރާތުން އެއްވެސް އިރުޝާދެއް އަޙްމަދު ޝުޒާދުއަށް ލިބިފައިވާކަން އެނގެން ނެތްކަމާއި؛

އަޙްމަދު ޝުޒާދުގެ ފަރާތުން މިނިސްޓްރީގައި ހުންނަ ސުޕަވައިޒަރު، ސީނިއަރ ސޯޝަލް ސަރވިސް ވަރކަރ މުޙައްމަދު ރަޝީދަށް ގުޅައި މުޢާމަލާތް ކޮށްފައިވާކަމާއި؛

އަޙްމަދު ޝުޒާދުއާއި މުޙައްމަދު ރަޝީދާމެދު ކުރެވުނު މުޢާމަލާތްތަކުގެ ތެރޭގައި މުޙައްމަދު ރަޝީދުގެ ފަރާތުން ކޮންމެވެސް މިންވަރެއްގެ އިރުޝާދުތަކެއް އަޙްމަދު ޝުޒާދުއަށް ދީފައިވާކަން އެނގެން އޮތް ނަމަވެސް، އެ އިރުޝާދުތަކަކީ އަލަށް ވަޒީފާއާ ޙަވާލުވެފައިވާ، ކަމާބެހޭ އެއްވެސް ތަމްރީނެއް ލިބިދީފައި ނުވާ މުވައްޒަފަކަށް ދިނުމުން، އެންމެ އެކަށޭނަ ގޮތެއްގައި އެ މައްޗަށް ޢަމަލުކުރެވިދާނެފަދަ އިރުޝާދު ކަމާމެދު ސުވާލު އުފެދޭކަމާއި؛

މިނިސްޓްރީގައި އެ މައްޗަށް ޢަމަލުކުރަމުންގެންދާ ޕްރޮސީޖަރ މެނުއަލްއެއް އޮންނަ ނަމަވެސް، އެ މެނުއަލްގައިވާ ގޮތަށް ޢަމަލުނުކުރާކަން؛ އެނގެން އޮވެއެވެ.

އިސްވެ ބަޔާންކުރެވުނު ކަންކަން އެހެންހުރުމުން، މުޙައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށް ބުނެ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރަށް 29 ޑިސެންބަރު 2014 ގައި މައްސަލަ ހުށަހެޅުނުއިރު، އަޙްމަދު ޝުޒާދު ހުރީ (22 ޑިސެންބަރު 2014 އިން ފެށިގެން) އެސިސްޓެންޓް ކައުންސެލަރގެ މަޤާމުގައި ނަމަވެސް، އޭނާއަށް މަޤާމު ބަދަލުކުރި ކަމުގެ ލިޔުން ލިބިދީފައި ނުވުމުގެ އިތުރުން، އެސިސްޓެންޓް ކައުންސެލަރެއްގެ ޙައިޘިއްޔަތުން، އަޙްމަދު ޝުޒާދުގެ ވަޒީފާގެ މަސްއޫލިއްޔަތަކީ ކޮބައިކަމާއި، ސެންޓަރަށް ހުށަހެޅޭ މައްސަލަތަކާމެދު ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބައިކަން އެނގިފައި އަދި އަންގައިދީފައި ނުވާކަން ވަރަށް ސާފެވެ.

މީގެ އިތުރުން، މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރުތަކަށް ހުށަހެޅޭ މައްސަލަތަކަކީ ހައްސާސީ މައްސަލަތަކެއް ކަމުގައިވެފައި، އެފަދަ މަސައްކަތުގައި މަސްއޫލުވެ އުޅޭ މުވައްޒަފުންނަކީ ކަމުގެ ފަންނީ މަޢުލޫމާތާއި ތަމްރީނު ލިބިފައިވާ މުވައްޒަފުންކަމަށް ވުމުގެ މުހިންމުކަން ބޮޑުކަމުން، މިނިސްޓްރީގެ ފަރާތުން އައު މުވައްޒަފުންނަށް ބާއްވާ އިންޑަކްޝަން ކޯހަކީ އެ މުވައްޒަފުން ކުރަންޖެހޭ މަސައްކަތުގެ ބާވަތާއި ޒާތަށް ބަލައި، ފަންނީ މަޢުލޫމާތާއި ހުނަރު ލިބިދިނުމަށް ބޭއްވޭ ތަމްރީނެއްކަން ފާހަގަވެއެވެ. އެހެންކަމުން، އެފަދަ އެއްވެސް މަޢުލޫމާތެއް އަޙްމަދު ޝުޒާދަށް ލިބިދިނުމަކާއި ނުލައި، އަދި ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރަށް 29 ޑިސެންބަރު 2014 ގައި ހުށަހެޅުނު މައްސަލަ ބެލުމުގެ ކަންކަން ކުރުމުގެ ތެރޭގައި އަޙްމަދު ޝުޒާދުގެ ފަރާތުން މިނިސްޓްރީގައި ހުންނަ ސުޕަވައިޒަރަށް ގުޅައި މަޢުލޫމާތު ހިއްސާ ކުރިއިރުވެސް، އެކަމުގައި ކަން ކުރަންވީ ގޮތުގެ ވަރަށް ކުޑަ މިންވަރެއްގެ އިރުޝާދެއް ފިޔަވައި އެހެން އެއްވެސް މަޢުލޫމާތެއް ނުވަތަ ތަފްޞީލެއް ދީފައިވާކަން އެނގެން ނެތްހިނދު، އަޙްމަދު ޝުޒާދުގެ ފަރާތުން ވަކި ގޮތަކަށް ޢަމަލުކޮށްފައި ނުވާ ކަމަށާއި، އަދި އޭގެ ސަބަބުން އޭނާގެ ވަޒީފާގެ ޒިންމާ އަދާކުރުމުން އޭނާ އިހުމާލުވެފައިވާ ކަމުގައި ބުނެވިދާނެކަމާމެދު ސުވާލު އުފެދެއެވެ. އެހެނީ، އަޙްމަދު ޝުޒާދު ޢަމަލުކުރަންޖެހޭ ގޮތަކީ ކޮބައިކަމާއި، އޭނާގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކަކީ ކޮބައިކަން ދައުލަތުގެ ފަރާތުން އަޙްމަދު ޝުޒާދަށް ބުނެދީފައިވާކަން އެނގެން ނެތުމުންނެވެ.

ދައުލަތުގެ ޒިންމާ އަދާކުރުމުގެ ގޮތުން މިފަދަ ހައްސާސީ މަސައްކަތެއް ކުރުމަށް ޙަވާލުކުރާ މުވައްޒަފުންނަކީ އެފަދަ ވަޒީފާ އަދާކުރާ ކުރުމަށް ބޭނުންވާ މަޢުލޫމާތާއި ކަމާ ގުޅޭ ތަމްރީނު ލިބިފައިވާ މުވައްޒަފުންނަށްވުމުގެ އިތުރުން، އެފަދަ މުވައްޒަފަކު މަސައްކަތުގެ ތެރޭގައި މަސްއޫލުވެ އުޅޭއިރު އެފަރާތަކަށް ސާފު އިރުޝާދު ލިބިދެވޭ ފަރާތެއްކަން ކަށަވަރުކުރުމަކީ އެ މުވައްޒަފެއް ކުރާކަމެއް ނުވަތަ ނުކޮށް ދޫކޮށްލާކަމެއްގެ ސަބަބުން ޚިދުމަތް ހޯދަން އަންނަ (އަނިޔާ ލިބިފައިވާ) ފަރާތަށް އިތުރު ގެއްލުމެއް ނުވަތަ އަނިޔާއެއް ނުވަތަ ނިކަމެތިކަމެއް ނުވަތަ އެހެންވެސް ނޭދެވޭ އަސަރެއް ކޮށްފާނެ ކަމަށްޓަކައި، އެ މުވައްޒަފާއި އެ ޒިންމާ ޙަވާލުކުރާ މިނިސްޓްރީ ނުވަތަ ދައުލަތުގެ އިދާރާގެ މަސްއޫލިއްޔަތެއް ކަމުގައި އަހުރެން ދެކެމެވެ. އަދި އެހެންކަމުން، އެފަދައިން ޢަމަލުކުރުމަކާއި ނުލައި، ކަމެއް ގޯސް މަގުން ދިއުމުން، އެކަމަކީ ވަޒީފާ އަދާކުރާ މުވައްޒަފުގެ އިހުމާލުން ވީކަމެއް ކަމުގައި ބުނެ، އެފަދަ މުވައްޒަފެއްގެ ބޮލުގައި ކަންހިނގާ ދިޔަ ގޮތުގެ ޒިންމާ ނުވަތަ އޭގެން ބައެއް، އެޅުވުމަކީ ޢަދުލުވެރި ގޮތަކަށް ނުވުމުގެ އިތުރުން، ޤަބޫލުކުރަން ދަތިގޮތެކެވެ.

އިޖުރާއީ ޢަދުލުވެރިކަން

"ވ. ފުލިދޫ، ވައިޖެހޭގެ، މުޙައްމަދު އިބްތިހާލަށް އޭނާގެ މަންމަ އަނިޔާކޮށްފައިވާކަމަށް ބުނެ ވ. ފެލިދޫގައި ހުންނަ މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރގެ ދަށުން ހިންގާ ފެމިލީ އެންޑް ޗިލްޑްރަން ސެންޓަރަށް 29 ޑިސެންބަރު 2014 ގައި ހުށަހެޅުނު މައްސަލަ ބެލުމުގައި މިނިސްޓްރީގެ މުވައްޒަފުން ޢަމަލުކޮށްފައިވާ ރިޕޯޓު" އަށް ބޭނުންވާ މަޢުލޫމާތު ސާފުކުރުމުގެ ބޭނުމުގައި ނޫންގޮތަކަށް، ވ.ފެލިދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެން ސަރވިސް ސެންޓަރުގެ އެސިސްޓެންޓް ކައުންސެލަރގެ މަޤާމުން އަޙްމަދު ޝުޒާދު ވަކިކުރުމުގެ ކުރިން އޭނާއާ ސުވާލުކޮށް، އެ ސުވާލުތަކަށް އޭނާއަށް ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވާކަން އެނގެން ނެތުމުން، މި މައްސަލައިގައި އަޙްމަދު ޝުޒާދު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ އަދުލުވެރިކަން ގާއިމު ކުރުމަށް ފަހުގައިކަން ބެލެވޭން ނެތެވެ.

މީގެ އިތުރުން، ވަކި ޙާލަތެއްގައި ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދުގެ 272 ވަނަ މާއްދާގެ (ށ) ގެ ދަށުން ޖަވާބުދާރީވުމަށް ފުރުޞަތުދިނުމަކާއި ނުލައި މުވައްޒަފެއް ވަޒީފާއިން ވަކިކުރެވިދާނެކަމަށް ބަޔާންކޮށްފައި އޮތް އޮތުން މި މައްސަލައިގެ ތެރެއިން އަހުރެންގެ ސަމާލުކަމަށް އައިސްފައިވާތީ، މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަމުގެ އިތުރުން، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވާންޖެހޭ ކަމުގައި ބަޔާންކުރުން މުހިންމު ކަމުގައި ދެކެމެވެ. އަދި މި ޢާންމު އުޞޫލަށް އޮންނަނީ ވަރަށް ހަނި އިސްތިސްނާއެއް ކަމުގައާއި، އިސްތިސްނާ ޙާލަތްތަކުގައި ވަޒީފާދޭ ފަރާތަށް ނުވަތަ ތަނަށް މުވައްޒަފުގެ ފުށުން އިތުރު ގެއްލުން ލިބިދާނެ ނަމަ، ވަގުތުން މުވައްޒަފުން ވަކިކުރެވުނު ނަމަވެސް، މިއީ އެފަދަ އިސްތިސްނާ ޙާލަތެއްކަމުގައި އަހުރެންނަށް ބުރަނުވެވެއެވެ. އެއީ މައްސަލައިގައި ހިނގާފައިވާ ކަންކަމަށް ބަލައި، އަޙްމަދު ޝުޒާދުއާމެދު ކުރެވުނު ތުހުމަތަށް އޭނާއަށް ދިފާއުވާން ފުރުޞަތު ދެވެންވާނެތީއާއި، މި މައްސަލައިގައި ކަންހިނގާ ދިޔަ ގޮތުގެ ތަޙުޤީޤެއް ކުރެވުނު އިރު، އެކަންކަމާ ބެހޭ ގޮތުން އަޙްމަދު ޝުޒާދު ވެފައިވާކަމަށް ބުނާ އިހުމާލާމެދު އޭނާއަށް ޖަވާބުދާރިވާން ފުރުޞަތު ދެވިފައި ނުވާތީއެވެ.

ޙައްލު އަދި ނަތީޖާ

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27 (އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް) އަދި 2018/SC-A/49 (މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން) ގައި ފަނޑިޔާރު ޙުސްނުއް ސުޢޫދުގެ ރައުޔުގައި (މައްސަލައިގައި ހިމެނުނު އެހެން ފަނޑިޔާރުންގެ ތާއީދާއެކު) ފާހަގަކުރައްވާފައިވާ ޙައްލުތަކުގެ އަލީގައި، އަޙްމަދު ޝުޒާދުގެ ވަޒީފާ އިއާދަ ކުރާނެކަން ނުވަތަ ނޫންކަމުގެ މައްޗަށް ބަލާއިރު، ވަޒީފާއަށް އަނބުރާ އިއާދަ ކުރެވޭނީ މައްސަލައިގައި ހިމެނޭ އަދި އެ މައްސަލައިގެ ވަށައިގެންވާ ޚާއްޞަ ޙާލަތްތައް ވަޒަންކޮށް، ދެ ފަރާތުގެ ދެމެދުގައި ވަޒީފާގެ ގުޅުން ދެމެހެއްޓޭނެ މިންވަރުގެ އިތުބާރު އޮތްކަން ނުވަތަ ނެތްކަން ކަނޑައެޅުމަށް ފަހު، ވަޒީފާއިން ވަކިކުރިއިރު ހުރި ވަޒީފާއަށް ރުޖޫއަކުރުމަށް ހުރަސް އަޅާ ޙާލަތެއް އޮތްތޯ ނުވަތަ ވަޒީފާއަށް ރުޖޫއަކުރުމަކީ އަމަލީ ގޮތުން ކުރެވެން އޮތް ކަމެއްތޯ ބަލުމަށްފަހުކަން ފާހަގަކުރަމެވެ.

އެހެންކަމުން، އިސްވެ ޙަވާލާދެވުނު ކަންކަން ހުށަހެޅިފައިވާ މި މައްސަލައަށް ތަޠުބީޤު ކުރާއިރު:

އަޙްމަދު ޝުޒާދު ވަޒީފާއިން ވަކިކުރުމުގައި މަޢުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބުރަވެވެން ނެތަތީއާއި؛

އަޙްމަދު ޝުޒާދު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ބުރަވެވެން ނެތަތީއާއި؛

އަޙްމަދު ޝުޒާދުގެ ވަޒީފާ އަނބުރާ އިޢާދަ ނުކުރެވޭނޭ މިންވަރަކަށް، އޭނާއާ ދައުލަތާ ދެމެދުގައިވާ އިތުބާރު ގެއްލިފައިވާކަން އެނގެން ނެތަތީއާއި؛

އަޙްމަދު ޝުޒާދު ކުރިކަމަށް ބުނާ އިހުމާލުގެ އަމަލަކީ، މި ރައުޔުގެ ޕެރެގްރާފް 26 އިން ފެށިގެން 33 ގެ ނިޔަލަށް ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު، އޭނާއާމެދު ފިޔަވަޅެއް އަޅާނަމަ، އޭނާ ވަޒީފާއިން ވަކިކުރުމުގެ ބަދަލުގައި އޭނާއަށް އިންޒާރު ދިނުން އެކަށީގެންވާ ޙާލަތެއް ކަމުގައި ބުރަވެވޭތީ؛

އަހުރެންނަށް ބޮޑަށް ބުރަވެވެނީ އަޙްމަދު ޝުޒާދު ވަޒީފާއަށް އަނބުރާ ރުޖޫޢަ ނުކޮށްފިނަމަ، އެއީ، ވަޒީފާދިން ފަރާތުގެ އެކަށީގެންނުވާ އަމަލުތައް ބަލައިގަތުން ކަމުގައި ވެގެންދާ ކަމުގައެވެ. އަދި އެކަށީގެންވާ ސަބަބެއްނެތި ވަޒީފާއިން ވަކިކުރާ މުވައްޒަފަކަށް ލިބެންވާނެ ކަމަށް ޤާނޫނުގައި ބަޔާންކުރާ އަސާސީ ޙައްޤުން މަޙުރޫމު ކުރުންކަމުގައެވެ.

ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރުގެ ރައުޔުމިމައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމިމައްސަލައިގައި، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، އިސްވެ ބަޔާން ވެދިޔަ ކަންކަން އެގޮތުގެ މަތިން ހުރުމާއެކު، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/20 ޤަޟިއްޔާއިން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު 30/VTR/2015 މައްސަލައިގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށް، ޙުކުމްކޮށްފައިވަނީ ޝަރުޢީ ނުވަތަ ޤާނޫނީ އުޞޫލަކާއި ޚިލާފަށްކަން ކަނޑައަޅާނެ ތަނެއް ނެތްކަމުގައި މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

އަޒްމިރާލްދާ ޒާހިރުޢާއިޝާ ޝުޖޫން މުޙައްމަދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ