ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް ވ. މިޢުޝާރު ޞާލިޙް
ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔު (ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)
ތަޢާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/104 ޤަޟިއްޔާ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ (މީގެ ފަހުން "ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް" ނުވަތަ "ދައުލަތް" ކަމަށް ބުނެފައިވާ) ފަރާތުން ސުޕްރީމް ކޯޓަށް އިސްތިއުނާފަށް ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ މިޢުޝާރު ޞާލިޙް (ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު:- (މީގެ ފަހުން "މިޢުޝާރު ޞާލިޙް" ކަމަށް ބުނެފައިވާ ފަރާތް) އެވެ.
މައްސަލައިގައި ކަންހިނގާފައިވާ ގޮތް
މިޢުޝާރު ޞާލިޙް، 16 ފެބުރުވަރީ 2018 ދުވަހު 02:30 އެހައިކަށްހައިރު، ހ. ފައިންބީޗް ގޭގެ ސަރަޙައްދުގައި އިތުރު ބަޔަކާއެކު ކިވީ ބްރޭންޑްގެ ވަޅިއެއް ބޭނުންކޮށްގެން، ކ. މާލެ، ހ. ގާތުގިރި މުޙައްމަދު ޢިމްރާން އަޙްމަދު އާމެދު މާރާމާރީ ހިންގުމުގައި ބައިވެރިވެފައިވާތީ، މިޢުޝާރު ޞާލިޙުގެ މައްޗަށް ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާ ކުރުމުގެ ޤާނޫނުގެ 9 ވަނަ މާއްދާގެ (ނ) އާ ޙަވާލާދީ އެމާއްދާގެ (ރ) ގެ ދަށުން ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާ ދައުލަތުން ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ.
މައްސަލައިގެ އިބްތިދާއީ މަރުޙަލާގައި މިޢުޝާރު ޞާލިޙްގެ ފަރާތުން ދިފާޢީ ހެކިންގެ ގޮތުގައި ޝަފަހީ 10 (ދިހައެއް) ހެއްކަކާއި ކިތާބީ ހެއްކެއް ހުށަހަޅާފައިވެއެވެ.
މިހެކިތައް ބަލައިނުގަތުމަށް އެދި ދައުލަތުގެ ފަރާތުން ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވެއެވެ.
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނިންމިގޮތް
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/2022/15 ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމުގައި ބަޔާންވެގެންވަނީ، ހުށަހެޅިފައިވާ ހެކިން ބަލައިގަތުމާމެދު ގޮތެއް ނިންމުމަކީ މަޢުޟޫޢީ ގޮތުން މައްސަލަ ބެލުމަކާނުލާ ގޮތެއް ނިންމޭނެ ކަމެއް ކަމަށް ނުވާތީ، ދައުލަތުގެ ހުށަހެޅުން ބަލައިގަނެވެން ނެތްކަމަށެވެ.
ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ މި ނިންމުން ދައުލަތުގެ ފަރާތުންވަނީ ދިވެހިރާއްޖޭގެ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައެވެ.
ހައިކޯޓުން ނިންމިގޮތް
ހައިކޯޓުން މި މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2022/HC-B12/104 ޤަޟިއްޔާއިންނެވެ.
ދައުލަތުން ހައިކޯޓަށް ހުށަހަޅާފައިވަނީ އިސްތިއުނާފީ އެއްނުކުތާއެވެ. އެ ނުކުތާގައި ބުނެފައިވަނީ ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓުގެ ނަންބަރު S2C/2022/15 ޝަރީޢަތުގެ ކުރިން ހުށަހެޅި ހުށަހެޅުމާމެދު ނިންމި ނިންމުމަކީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި، ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާ އާއި ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ.
ދައުލަތުން ހުށަހެޅި އިސްތިއުނާފީ ނުކުތާގެ މައްޗަށް ބިނާކޮށް އިސްތިއުނާފީ ދަޢުވާ ކުރިއަށް ގެންދާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ނިންމާފައިވެއެވެ. ހައިކޯޓުގެ ނިންމުން ބިނާވަނީ އަންނަނިވި ސަބަބުތަކުގެ މައްޗަށެވެ.
ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި ދަށުކޯޓުން ޚިލާފްވެފައިވާ ކަމަށް ދައުލަތުން ބަޔާންކޮށްފައިވާއިރު، ދަށުކޯޓުން އެމާއްދާއާއި ޚިލާފްވާގޮތެއް ދައުލަތުން ބަޔާންކޮށްފައިނުވާތީ، އެމާއްދާއާއި ޙަވާލާދީ ދައުލަތުން ކުރަންބޭނުންވާ ބަޙުސަކީ ކޮބައިކަން މިޙާލަތުގައި އެނގެން ނެތުމާއި،
ދަށު ކޯޓުގެ ނިންމުން ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާއި ޚިލާފު ކަމަށް ދައުލަތުން ބުނެފައިވާއިރު، އެކަމުގައި އުފެދޭ ޤާނޫނީ ބަޙުސަކީ ކޮބައިކަން ދައުލަތަށް ބުނެދެވިފައި ނުވުމެވެ.
ހައިކޯޓުގެ ނިންމުން ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާ
ދައުލަތުގެ ފަރާތުން ހުށަހަޅާފައި ވަނީ އިސްތިއުނާފީ އެއް ނުކުތާއެވެ. އެނުކުތާގައި ބަޔާން ކޮށްފައިވަނީ، ހައިކޯޓުގެ ނިންމުން "ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2022/SC-A/51 (ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ) ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުޞޫލުތަކާ ޚިލާފަށް މައްސަލަ ނިންމާފައިވުން" މިހެންނެވެ.
ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރެވޭ ޙާލަތްތައް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް މައްސަލަތައް އިސްތިއުނާފު ކުރެވޭނެ ޙާލަތްތައް ވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައެވެ. މިގޮތުން، ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރެވޭނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމެއް ޤާނޫނާ ޚިލާފު ވާނަމަ، ނުވަތަ ހައިކޯޓުން ޤާނޫނު ތަޠުބީޤުކުރުމުގައި ނުވަތަ ޤާނޫނު މާނަ ކުރުމުގައި ކުށެއް ހެދިފައިވާ ނަމަ، ނުވަތަ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޙުކުމުގެ ކުރިން އައި އިޖުރާއަތުގައި އައިބެއް ހުރި ނަމަ މިފަދަ ކަންކަމުގެ މައްޗަށް އެކަންޏެވެ. ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ބުނެވިދިޔަ ޙާލަތްތައް ފިޔަވައި، އިތުރު ޙާލަތެއްގައި ހައިކޯޓުގެ ނިންމުމެއް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ނުކުރެވޭނެކަން އެނގެއެވެ.
އިސްތިއުނާފު ކުރުމުގެ އުޞޫލު މިމައްސަލައަށް ތަޠުބީޤު ކުރުން
މިމައްސަލާގައި ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގެ ތަފުސީލަށް ބަލާއިރު، ދައުލަތުން ހަވާލާދެނީ ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ކަނޑައަޅާފައިވާ އުޞޫލަށްކަން އެނގެއެވެ. އެ އުޞޫލުގައި ބަޔާންވެގެންވަނީ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރުގެ ދަށުން ފަނޑިޔާރު ނިންމާ ނިންމުމަކީ މަދު ޙާލަތެއްގައި މެނުވީ އިސްތިއުނާފު ނުކުރެވޭނެ ނިންމުމެއް ކަމަށާއި، އެނިންމުން އިސްތިއުނާފު ކުރެވޭނީ 4 ޙާލަތެއްގައި ކަމަށާއި، އެއީ ދަށު ކޯޓުގެ ފަނޑިޔާރު އެ ނިންމުން ނިންމުމުގައި ކަމާއި ނުބެހޭ ކަންކަމަށް ރިޢާޔަތް ކޮށްފައިވުމާއި، ދަށު ކޯޓުގެ ފަނޑިޔާރު އެ ނިންމުން ނިންމުމުގައި ރިޢާޔަތްކުރި ވާޤިޢާތަކުގެ ޙަޤީޤަތް ފަނޑިޔާރަށް އޮޅިފައި އޮތުމާއި، ދަށު ކޯޓުގެ ފަނޑިޔާރު އެ ނިންމުން ނިންމުމުގައި މައިގަޑު ވާޤިޢާއަކަށް ނުވަތަ ކަމަކަށް ރިޢާޔަތް ކޮށްފައިނުވުމާއި، ދަށު ކޯޓުގެ ފަނޑިޔާރު އެ ނިންމުން ނިންމުމުގެ ސަބަބުން އެކަށީގެން ނުވާކަމެއް ނުވަތަ ބޭއިންސާފެއް މެދުވެރިވެފައި އޮތުމެވެ.
އިސްތިއުނާފީ ނުކުތާގެ ތަފުޞީލުގައި ދައުލަތުން މުޅިންވެސް ބަޔާންކޮށްފައިވަނީ، ދަށު ކޯޓުގައި ދައުލަތުން ހުށަހެޅި ހުށަހެޅުމާމެދު ދަށު ކޯޓުގެ ފަނޑިޔާރު ނިންމި ނިންމުން ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފު ކަމަށެވެ. ބުނެވިދިޔަ އުޞޫލާ ހައިކޯޓުގެ ނިންމުން ޚިލާފުވާ ގޮތެއް ބަޔާންކޮށްދެވިފައި ނުވެއެވެ.
ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންވެގެންވާ ކަންކަމަކީ ހައިކޯޓަށް ހުށަހެޅި އެކޯޓުގައި މައްސަލައިގެ ދެފަރާތުން ބަޙުސް ކޮށްފައިވާ ކަންތައްތަކެއްކަން އެނގެން ނެތްކަން ވެސް ފާހަގަކުރެވެއެވެ.
ދައުލަތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފީ ނުކުތާގައި ބުނެފައިވަނީ ދަށު ކޯޓުގެ ނިންމުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގެ 3 ވަނަ ނަންބަރާއި، ހެއްކާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާއާއި ޚިލާފު ކަމަށެވެ. އިސްވެބަޔާންވެ ދިޔަ ދެ ޤާނޫނުގެ ދެމާއްދާގައި ބަޔާންވެގެންވާ ކަންކަމާއި، ސުޕްރީމް ކޯޓުގެ ޕްރޮސިކިއުޓަރ ޖެނެރަލް ވ. އ.ޚ.މ ޤަޟިއްޔާގެ 15 ވަނަ ޕެރެގްރާފްގައި ބަޔާންވެގެންވާ ކަންކަމަކީ މުޅިން ތަފާތު ކަންތައްތަކެއްކަން ފާހަގަ ކުރެވެއެވެ. މިގޮތުން މިމައްސަލައަކީ ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގައި ގިރާކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއް ނޫންކަން ފާހަގަކުރެވެއެވެ.
ބަހުސްގެ ބޭނުމަށް މިމައްސަލާގައި އިސްތިއުނާފީ އޮޅިގަނޑު ގިރާކުރާ ކަމަށް ބަލަމާ ހިނގާށެވެ. މިގޮތުން ބަލާއިރު، މިމައްސަލައިގެ މައުޟޫޢަކީ އިބްތިދާއީ މަރުޙަލާގައި ޝަރީޢަތަށް ހެކި ބަލައިގަތުން ކަމަށްވާއިރު، ސުޕްރީމް ކޯޓުން ނިންމާފައިވާ ޤަޟިއްޔާއެއް ކަމަށްވާ އިސްމާޢީލް އިފްހާމް މުޙައްމަދު ވ. ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް މި ޤަޟިއްޔާގައި ޝަރީޢަތަށް ހެކި ބަލައިގަތުމާބެހޭ އުޞޫލުތަކެއް ކަނޑައަޅާފައިވެއެވެ. އެޤަޟިއްޔާގައި ބަޔާންވެގެންވާ ގޮތުން ހެކި ބަލައިގަތުމާއި ހެކީގެ ސައްޙަ ކަމާމެދު މައްސަލައިގެ ޝަރީޢަތުގެ ތެރެއިން ޠަޢުނު ކުރެވޭނެއެވެ.
ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 119 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެގެންވާ ގޮތުން އެ މާއްދާގެ އެ އަކުރުގައި ބަޔާންވެގެންވާ ކަންކަމަކީ، އެ ޤާނޫނުގައި އެހެންގޮތަކަށް ބަޔާންވެގެން ނުވާހާ ހިނދަކު، ޝަރީޢަތް ފެށުމުގެ ކުރިން އެއިން ކަމެއް ހުށަނާޅައިފި ނަމަ އެ ކަމެއް ދޫކޮށްލީ ކަމަށް ބެލެވޭނެ ކަންތައްތަކެކެވެ. އޭގެ ތެރެއިން 3 ވަނަ ނަންބަރުގައި ބަޔާންވެގެންވަނީ ވަކި ހެއްކަކީ ޝަރީޢަތަށް ބަލައި ނުގަނެވޭނެ ހެއްކެއް ކަމަށް ކަނޑައަޅައި ދިނުމަށް އިބްތިދާއީ މަރުޙަލާގައި ހުށަހެޅިދާނެ ކަމަށެވެ. ޝަރީޢަތަށް ހެކި ބަލައިގަތުމާއި ގުޅޭގޮތުން އެ ޤާނޫނުގެ އެހެން ތަނެއްގައި އެހެން ގޮތަކަށް ބަޔާން ވެގެންވެއެވެ. އެއީ އެ ޤާނޫނުގެ 145 ވަނަ މާއްދާގެ (ރ) ގައެވެ. ޝަރީޢަތަށް ހެކި ޤަބޫލު ކުރުމާއި ގުޅޭ ގޮތުން މައްސަލައިގެ ޝަރީޢަތުގެ ތެރެއިން ވެސް ޠަޢުނު ކުރެވޭނެކަން އެ މާއްދާއިން ދޭހަ ވެއެވެ.
އިބްތިދާއީ މަރުޙަލާގައި ދެފަރާތުން ހެކި ހާމަކުރުމުން، މައްސަލައާއި ނުވަތަ ސާބިތުކުރަން އުޅޭ ކަމާއި ގުޅުމެއް ނެތްކަން ސާފުކޮށް އެނގެން ހުރި ހެކިތައް ބަލައިނުގަތުމަށް އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރަށް ނިންމިދާނެއެވެ. އެމަރުޙަލާގައި ހެކިތަކާއި ގުޅޭގޮތުން ބެލޭނީ މަތިމަތިން ފެންނަން ހުންނަ ކަންކަމަށް ކަމަށްވުމާއި، އެހައިތަނަށް ހެކިބަސް ނެގިފައި ނުވާނެތީ އާއި، އެމަރުޙަލާގައި މައްސަލައިގެ މައުޟޫޢު ނިއުޅާލެވިފައި ނުވާނެތީ، ސާފުކޮށް ކަންކަން ދެނެގަނެވެން ނެތުމަކީ އެކަށީގެންވާ ކަމެކެވެ. މައްސަލައިގެ ޝަރީޢަތުގެ ތެރެއިން އިތުރަށް ބަލައިގެން ނޫނީ ގޮތެއް ނުނިންމޭނެ ޙާލަތެއް ވެސް ވުޖޫދުވެފައި އޮވެދާނެއެވެ. އެހާލަތުގައި އެކަމާމެދު ގޮތެއް ނިންމާނީ ޝަރީޢަތުގެ ތެރެއިން ކަމަށް ނިންމިދާނެއެވެ. މިކަންކަމަށް ގޮތް ނިންމުމަކީ ފަނޑިޔާރުގެ ތަޤްދީރީ ބާރުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ޝަރީޢަތަށް ހެކި ޤަބޫލުކުރުމާ ގުޅޭގޮތުން އިބްތިދާއީ މަރުޙަލާގައި ފަނޑިޔާރު ނިންމާ ނިންމުންތަކަކީ ޝަރީޢަތުގެ ތެރެއިން ވެސް އެ ކަންކަމާމެދު އިތުރަށް ބަހުސްކުރެވި ގޮތް ނިންމޭ ކަންތައްތަކަށްވާއިރު، މައްސަލައިގެ ޝަރީޢަތުގައި އެކަންކަން ހުށަހެޅުމުގެ ބަދަލުގައި، އިސްތިއުނާފަށް ހުށަހެޅުމަކީ ދަށުކޯޓުގައި ހިނގަމުންދާ މައްސަލަ މަޑުޖެހި ޝަރީޢަތް ނުނިމި ދިގުލައިގެން ދާނެ ސަބަބަކަށް ވާނެއެވެ. ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 2 ވަނަ މާއްދާގެ (ނ) ގައި ބަޔާންވެގެންވާ ގޮތުން އެ ޤާނޫނުގެ އެއް މަޤްޞަދަކީ ޖިނާއީ މައްސަލަތައް ވީހާވެސް އިންސާފުވެރިކޮށް، އަދި އެކަށީގެންވާ އަވަސް މިނެއްގައި ހިންގުމަށްޓަކައި ބޭނުންވާ އުޞޫލުތައް ކަނޑައެޅުމެވެ. މިހެންމިކަން އޮތުމުން، ޝަރީޢަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހަޅާ މަރުޙަލާގައި ކޯޓުން ނިންމާ ނިންމުންތައް އިސްތިއުނާފު ކުރުމަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 198 ވަނަ މާއްދާއިން ތަންދެނީ މައްސަލައިގެ ޝަރީޢަތުގެ ތެރެއިން އިތުރަށް އެކަންކަމާމެދު ވާހަކަދައްކައި ގޮތް ނިންމުމުގެ ފުރުސަތު ނެތް ނިންމުންތައް ކަމަށް އަހުރެން ދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
އިސްވެ ބަޔާންވެދިޔަ ކަންކަމަށް ރިޢާޔަތްކޮށް ބަލާއިރު، މި މިމައްސަލައަކީ، ހައިކޯޓުގެ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގައި ގިރާކުރަންޖެހޭ ކަމަށް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ އޮޅިގަނޑު ގިރާކުރެވޭ މައްސަލައެއް ނޫން ކަމަށް އަހުރެންނަށް ބުރަވެވެއެވެ. އެހެންކަމުން މި އިސްތިއުނާފީ މައްސަލަ ބަލައިގަތުމަށް އަހުރެންނަށް ނުފެނެއެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު
ގެ
މި މައްސަލާގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
މި މައްސަލާގައި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންވެދިޔަ ކަންކަން އެ ގޮތުގެމަތިން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2022/HC-B12/104 ޤަޟިއްޔާއިން ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ޤާނޫނީ ސަބަބެއް ނެތްކަމަށް މިމައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
މަޙާޒު ޢަލީ ޒާހިރުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.