ދިވެހި ދައުލަތް (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް) ވ. އަޙްމަދު ޙަސަން
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2021/HC-A/139
- ފަހުގެ ތާރީޚު
- —
ކޯ ޓާމްސް
ޚުލާޞާ
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވެ ސިފައިންގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކަށް 1 އަހަރުގެ މުސާރައާއި ޢިނާޔަތާއި ރަމަޟާން ޢިނާޔަތް ނަގައިދިނުމަށް ކުރި ޙުކުމް، މިފަދަ ހާލަތުގައި ބަދަލުގެ މިންވަރާ ގުޅޭ ސުޕްރީމް ކޯޓުގެ އުޞޫލުތަކާ އެއްގޮތްތޯ.
ނިންމުން
ދަށުކޯޓުގެ ނިންމުން ބާޠިލުހައިކޯޓާއި ސިވިލް ކޯޓުގެ ޙުކުމް ބާޠިލު؛ 1 އަހަރުގެ ބަދަލުގެ ބަދަލުގައި 3 މަހުގެ މުސާރައާއި ޢިނާޔަތާ އެއްވަރުގެ އަދަދު 15 ދުވަހުގެ ތެރޭ ދެއްކުމަށް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
HN1 މުވައްޒަފެއްގެ ޢަމަލުތައް ހުރީ ކޮންމެ ސިފައެއްގައި ކަމަށް ވަޒީފާދޭ ފަރާތަށް ފެނުނު ނަމަވެސް، ވަކިކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ލާޒިމު އިޖުރާއަތު ފުރިހަމަކުރުމަކީ ވަޒީފާދޭ ފަރާތަށް ދޫކޮށްލެވޭ ނުވަތަ އިންކާރުކުރެވޭ ކަމެއް ނޫނެވެ؛ އެ އިޖުރާއަތު ފުރިހަމަނުކޮށްފިނަމަ އެ ޚިލާފުވުމަށް ބަދަލު ނަގައިދިނުން ލާޒިމުވެއެވެ (ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ވ. އިސްމާޢީލް މަސްޢޫދު).
HN2 އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުވުމުން ނަގައިދޭ ބަދަލަކީ ހަމައެކަނި އަދަބެއްގެ ސިފައިގައި ރަމްޒީގޮތުން ނަގައިދޭ ބަދަލެކެވެ؛ އޭގެ ޢަދަދު މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުނުވާ ހާލަތުގައި ނަގައިދޭ ބަދަލަށްވުރެ ކުޑަވާންޖެހޭނެއެވެ؛ އަދި އެ ބަދަލު ކަނޑައަޅަންވާނީ މައްސަލައިގެ ބާވަތާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ މިންވަރާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ހޭދަވާނެ މުއްދަތަށް ރިޢާޔަތްކޮށްގެން ޢަދުލުވެރި ބަދަލެއްގެ ގޮތުގައެވެ (އިސްމާޢީލް މަސްޢޫދު އަދި އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު).
HN3 އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވީ ކަމަށް ބެލެވޭނީ، އެންމެ ކުޑަމިނުން ވަކިކުރުމުގެ ކުރިން ޚިލާފުވެއްޖެ ކަމަށް ފެންނަ ސަބަބުތައް މުވައްޒަފަށް އަންގައި، ބޯޑެއް ނުވަތަ ކޮމިޓީއެއްގެ ކުރިމައްޗަށް ޙާޟިރުވެ ތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު ދީ، ވަކިކުރުމުގެ ނިންމުން އޭގެ ސަބަބުތައް އޮޅުންފިލާގޮތަށް ބަޔާންކޮށް ލިޔުމަކުން މުވައްޒަފަށް ރައްދުކުރުމުންނެވެ (އަޒުހަރު ރަޝާދު ޤަޟިއްޔާގެ ޕެރ. 28)؛ ހަމައެކަނި މިލިޓަރީ ޕޮލިހަށް ބަޔާން ދީފައިވުމަކީ، ތަޙްޤީޤުގެ ފުރިހަމަ ރިޕޯޓެއް ނެތި، ސަބަބުތައް އަންގާފައި ނުވާނަމަ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވުމެއް ނޫނެވެ.
HN4 މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުނުވާ މައްސަލަތަކުގައި ބަދަލުގެ މިންވަރު ކަނޑައަޅަންވާނީ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާއި، އެފަދަ މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނަގައިދީފައިވާ ބަދަލުގެ މިންވަރަށް ރިޢާޔަތްކޮށްގެންނެވެ (އަޒުހަރު ރަޝާދު: 2 މަހުގެ މުސާރަ؛ މުޙައްމަދު ޝަމްޢޫން ނަޞީރު: 3 މަހުގެ މުސާރަ)؛ އެހެންކަމުން 1 އަހަރުގެ މުސާރައާއި ޢިނާޔަތް ނަގައިދިނުމަށް ކުރި ނިންމުމަށް ބަދަލު ގެންނަންޖެހި، ވަކިކުރިއިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތުގެ ނިސްބަތުން 3 މަހުގެ އަދަދު ކަނޑައެޅުނެވެ.
HN5 ރަމަޟާން މަހުގެ ޢިނާޔަތަކީ ރަމަޟާން މަހާ ގުޅިގެން ދެވޭ ޢިނާޔަތަކަށްވާތީ، ބަދަލު ހިސާބުކުރާ މުއްދަތުގެ ތެރޭގައި ރަމަޟާން މަސް ނުވަދެއްޖެނަމަ ބަދަލުގެ ގޮތުގައި ރަމަޟާން ޢިނާޔަތް ނަގައިނުދެވޭނެއެވެ.
ވަކީލުންނާއި ފަނޑިޔާރުން
- ވަކީލުން
- —
- ބެންޗު
- ޢަބްދުﷲ ޙަމީދު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޑރ. މުޙައްމަދު އިބްރާހީމް
- ރިޔާސަތު
- —
- ރައުޔު ލިޔުނު ފަނޑިޔާރު
- ޢަބްދުﷲ ޙަމީދު · ތާއީދުކުރެއްވީ: ޢާއިޝާ ޝުޖޫން މުޙައްމަދު
- ޚިލާފު ރައުޔު
- ނެތް
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.
ފަނޑިޔާރު އަބްދުﷲ ޙަމީދުގެ ރައުޔު.....1
ތަޢާރުފު.....1 މައްސަލައިގައި ކަން ހިނގާފައިވާ ގޮތް.....1 ދިވެހިރާއްޖޭގެ ހައިކޯޓު މަރުޙަލާ.....3 ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް .....8 އިސްތިއުނާފީ ނުކުތާގެ ރައްދުގައި އަޙްމަދު ޙަސަން ދެއްކި ވާހަކަ.....10 މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަން.....11 މައްސަލަ ނިންމަން ފެންނަ ގޮތް.....17
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު.....17
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު.....17
ޙުކުމް.....17 بِسْدَارَ الرَّحْمَىٰ ދިވެހި ދައުލަތް (މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް) ވ. އަޙްމަދު ޙަސަން [2026] SC 21
ފަނޑިޔާރު އަބްދުﷲ ޙަމީދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޑރ.
މުޙައްމަދު އިބްރާހީމް ތާއީދުކުރައްވާފައި)
ތަޢާރުފު
1މި މައްސަލައަކީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/139 ޤަޟިއްޔާ އެ ކޯޓުން ނިންމާފައިވަނީ ޤާނޫނީ ހަމަތަކާ ޚިލާފަށް ކަމަށްބުނެ ދިވެހި ދައުލަތް (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް) ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވަނީ ށ. ފުނަދޫ، އަލިތަރި އަޙްމަދު ޙަސަން އަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
2އަޙްމަދު ޙަސަނަކީ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯޕްރަލްގެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދިޔަ ފަރާތެކެވެ.
3އަޙްމަދު ޙަސަން އެ މަޤާމުގައި ވަޒީފާ އަދާކުރަމުން ދަނިކޮށް، ބަޔަކު މީހުން ށ. ފުނަދޫއަށް މަސްތުވާތަކެތި ފޮނުވަން އުޅޭކަމުގެ މަޢުލޫމާތު، މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުމާ ގުޅިގެން 2014 ނޮވެންބަރު 25 ވަނަ ދުވަހުގެ 10:00 ހާއިރު، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ޚާއްޞަ އޮޕަރޭޝަނެއް ހިންގިއެވެ.
4އެ އޮޕަރޭޝަނުގައި އަޙްމަދު ޙަސަނާއި އިތުރު މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށަށް ގެންގޮސް، މިލިޓަރީ ޕޮލިހުން އަޙްމަދު ޙަސަނާ ސުވާލުކުރުމުން އޭނާގެ ރައްޓެއްސެއް ބުނެގެން މީހެއްގެ އަތުން ކޮތަޅަކާ ޙަވާލުވެފައިވާނެ ކަމަށާއި، އެ ކޮތަޅު އެހެން މީހަކާ ޙަވާލުކުރަން ދަނިކޮށް ފުލުހުން އައިސް ހުއްޓުވީކަމަށާއި، އެ ކޮތަޅު ތެރޭގައި ހުރި ކޮސްމެޓިކްސްގެ ތެރޭގައި މަސްތުވާތަކެތި ހުރިކަން އެނގިފައިވަނީ ފުލުހުން އޭނާގެ ޙާޟިރުގައި ކޮސްމެޓިކް ފުޅިތައް ކެނޑުމުންކަމަށް އަޙްމަދު ޙަސަން ބުނެފައިވާކަމަށް ދައުލަތުން ބުނެއެވެ.
5މަސްތުވާތަކެއްޗާ އެކީ ކުށުގެ ވެށިން ހައްޔަރުކުރީ އެމް.އެން.ޑީ.އެފްގެ މުވައްޒަފުން ކަމަށްވެފައި، އެއީ އެ ފަދަ މުއައްސަސާއެއްގެ މުވައްޒަފުންގެ ފަރާތުން ފެނިގެންވާނެ ފަދަ ޢަމަލެއްކަމުގައި ނުވާތީ، އަޙްމަދު ޙަސަން ސިފައިންގެ ވަޒީފާއިން ވަކިކޮށްދިނުމަށް އެދި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ފަރާތުން، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ހުށަހެޅިއެވެ.
6އެ ފަދައިން އެދުމުން، ސިފައިންގެ ޤާނޫނު ގެ 31 ވަނަ މާއްދާ ގައިވާ ގޮތުގެ މަތީން އަޙްމަދު ޙަސަން، 19 ޖަނަވަރީ 2015 ގައި ސިފައިންގެ ވަޒީފާއިން ވަކިކޮށްފައިވެއެވެ.
7އަޙްމަދު ޙަސަން، ވަޒީފާއިން ވަކި ކުރުމުން، ވަޒީފާއިން ވަކިކޮށްފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށްކަމަށްބުނެ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ޙުކުމްކުރާ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި ޢިނާޔަތްތަކާއެކު އަލުން ވަޒީފާ ދިނުމަށް އަމުރުކޮށްދިނުމަށް އެދި، އަޙްމަދު ޙަސަން ސިވިލް ކޯޓުގައި ދަޢުވާ ކުރިއެވެ.
8ސިވިލް ކޯޓުން މި މައްސަލަ ނިންމާފައިވަނީ، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކޮށްފައިވަނީ ޢަދުލުވެރި އެކަށީގެންވާ ސަބަބެއް އޮވެގެންކަމުގައިވީނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތިކަން، ހުށަހެޅިފައިވާ ލިޔުންތަކުން ޝަރީޢަތަށް ސާބިތުވާތީ، އަޙްމަދު ޙަސަން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި އަދާކުރަމުންދިޔަ ވަޒީފާ އަނބުރާ އިޢާދަކުރަންޖެހޭ ތަނެއް ނެތްކަމަށާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމެއްނެތި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ޢަދުލުވެރި ބަދަލެއްގެ ގޮތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ ޖުމްލަ -149,520 ރ. (އެއްލައްކަ ސާޅީސްނުވަހާސް ފަސްސަތޭކަ ވިހި ރުފިޔާ) އާއި، އެ މުއްދަތުގައި ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ޙައްޤުވާ ފައިސާ، އަޙްމަދު ޙަސަނަށް ދޭންޖެހޭނެ ކަމަށެވެ.
9މި މައްސަލަ ސިވިލް ކޯޓުން ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ދެކި، އެ ނިންމުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.
ދިވެހިރާއްޖޭގެ ހައިކޯޓު މަރުޙަލާ
10ދައުލަތުގެ ފަރާތުން ސިވިލް ކޯޓުގެ ނިންމުން، ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން، އެ ކޯޓުން އެ މައްސަލަ ބަލާފައިވަނީ އެކޯޓުގެ ނަންބަރު 2021/HC-A/139 ޤަޟިއްޔާއިންނެވެ.
11މިމައްސަލަ އިސްތިއުނާފުކުރުމަށް އެދި، ދައުލަތުގެ ފަރާތުން ހައިކޯޓަށް ހުށަހަޅާފައިވަނީ އެންމެ ނުކުތާ އެކެވެ. އެނުކުތާއަކީ: އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާތީ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 1 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ -149,520 ރ. (އެއްލައްކަ ސާޅީސްނުވަހާސް ފަސްސަތޭކަ ވިހި ރުފިޔާ) އާއި، އެމުއްދަތުގައި ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ޙައްޤުވާ ފައިސާ ނަގައި ދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 3313/Cv-C/2019 ޤަޟިއްޔާގައި ޙުކުމްކުރައްވާފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅުއްވާފައިވާ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާ ނިންމެވުންތަކަށް ދަށުކޯޓުތަކުން ތަބާވުން ލާޒިމްކުރާ އުޞޫލާ ޚިލާފަށް، މި ފަދަ މައްސަލަތަކުގައި ވަޒީފާއިން ވަކިކޮށްފައިވާ ފަރާތްތަކަށް ކޯޓުތަކުން ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ޤަޟިއްޔާ އާއި، ދައުލަތް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާއިން ނިންމަވާފައިވާ ނިންމެވުންތަކާ ޚިލާފަށްކަމަށް ބުނެ ހުށަހެޅި ނުކުތާއެވެ.
12ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމަވާފައިވަނީ، ސިވިލް ކޯޓުގެ ނަންބަރު 3313/Cv-C/2019 ޤަޟިއްޔާގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށެވެ. ހައިކޯޓުން މި ނިންމުމަށް ވާޞިލުވުމުގައި އަންނަނިވި ކަންކަމަށް ރިޢާޔަތްކޮށްފައި ވެއެވެ.
12.1 އަޙްމަދު ޙަސަން ވަޒީފާއިން ވަކި ކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ނުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ، އަޙްމަދު ޙަސަންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ސިފައިންގެ މިލިޓަރީ ޕޮލިހުން އަޙްމަދު ޙަސަނާ ސުވާލުކޮށް ބަޔާން ނަގާފައިވީނަމަވެސް، އެ މައްސަލާގައި އަޙްމަދު ޙަސަނާމެދު ވަކި ފިޔަވަޅެއް އެޅުމަށް މިލިޓަރީ ޕޮލިހުން ނިންމާފައިވާކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން ނެތުމާއި، އަޙްމަދު ޙަސަންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައާ ގުޅިގެން މިލިޓަރީ ޕޮލިހުން ތަޙްޤީޤު ރިޕޯޓެއް އެކުލަވާލާފައި ނުވާކަން ދައުލަތުގެ ބަހުން އެނގެން އޮތުމުގެ މައްޗަށް ކަމާއި، ބުނެވުނު ސަބަބަށް ދައުލަތުން އިންކާރުކޮށްފައި ނުވުމުގެ އިތުރުން، އިޖުރާއީ ޢަދުލުވެރިކަމާމެދު ސިވިލް ކޯޓުން ނިންމި ނިންމުމާ ގުޅިގެން އިސްތިއުނާފީ ބަހުސެއްކޮށްފައި ނުވާތީ، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ސިވިލް ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށްކަމުގައި ބަލަންޖެހޭކަން.
12.2 މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާ ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާ ޙާލަތުގައި ނަގައިދެވޭ ބަދަލާގުޅޭ ޤާނޫނީ ހަމަތައް ވަޒީފާއާބެހޭ ޤާނޫނު ގެ 29 ވަނަ މާއްދާގެ (ހ) ގެ 3ވަނަ ނަންބަރުގައި ބަޔާންކޮށްފައިވީނަމަވެސް، ބަދަލު ނަގައިދޭ މިންވަރު ޤާނޫނުން މަޙްދޫދުކޮށްފައި ނުވާކަން.
12.3 މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި އޮވެމެ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމަ ނުވާނަމަ ނަގައިދެވޭނެ ބަދަލު ވާންވާނީ މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށާއި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ހޭދަވާނެކަމަށް ބެލެވޭ މުއްދަތަށް ރިޢާޔަތްކޮށް ނަގައިދެވޭނެ ޢަދުލުވެރި ބަދަލެއް ކަމަށާއި، އަދި މިފަދަ ޙާލަތުގައި ނަގައިދެވޭ ގެއްލުމުގެ ބަދަލު މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާ ޙާލަތުގައި ނަގައިދެވޭ ގެއްލުމުގެ ބަދަލުގެ ޢަދަދަށްވުރެ ކުޑަވާންޖެހޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު މައްސަލާގައި ކަނޑައަޅުއްވާފައިވާކަމާއި، އަދި ހަމަ އެ މައްސަލާގައި، ވަޒީފާ ދޭ ފަރާތުން ފުރިހަމަކުރުން ޤާނޫނުން ލާޒިމްކުރާ އިޖުރާއަތު ފުރިހަމަކޮށްފައި ނުވާނަމަ، އެ ޚިލާފުވުމަށް ބަދަލު ނަގައިދިނުން ލާޒިމުވާކަމަށާއި، އެ ބަދަލަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ޤާނޫނީގޮތުން ލާޒިމުކުރާ، އިޖުރާއީ އިންޞާފު ޤާއިމުކޮށްފައި ނުވާތީ ހަމައެކަނި އަދަބެއްގެ ސިފައިގައި ރަމްޒީގޮތުން ނަގައިދެވޭ ބަދަލެއްކަމަށް ބަޔާންކޮށްފައިވާކަމާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްމާޢީލް މަސްޢޫދު ވ. ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް މައްސަލާގައިވެސް ފަނޑިޔާރު ޙުސްނުއްސުޢޫދުގެ އިއްތިފާޤު ރައުޔުގައި އެ ފަދައިން ބަޔާންކުރައްވާފައިވާކަން.
12.4 އަޙްމަދު ޙަސަންގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ސިފައިންގެ މިލިޓަރީ ޕޮލިހުން އަޙްމަދު ޙަސަނާ ސުވާލުކޮށް ބަޔާން ނަގާފައިވީނަމަވެސް، އެ މައްސަލާގައި އަޙްމަދު ޙަސަނާމެދު ވަކި ފިޔަވަޅެއް އެޅުމަށް މިލިޓަރީ ޕޮލިހުން ނިންމަވާފައިވާ ނިންމުމެއް ނުވަތަ ރިޕޯޓެއްވެސް ނެތްކަމާއި، އަދި އެ ފަދަ ރިޕޯޓެއް ހަދާފައި ނުވާކަން ދައުލަތުގެ ބަހުން އެނގެން އޮންނަކަން.
12.5 ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާ މި މައްސަލައާ އަޅާކިޔާއިރު، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގައި، އެ މައްސަލަ ޑިސިޕްލިނަރީ ބޯޑުގެ ކުރިމައްޗަށް ހުށަހެޅި، އެ ހެކިތައް ވަޒަންކުރެވިފައިވާކަމަށާއި، އަދި އަޒުހަރު ރަޝާދުގެ މައްޗަށް ތުހުމަތުކުރެވުނު އަމަލު އެ ބޯޑަށް ސާބިތުވާކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުން ބިނާވާ އެކަށޭނެ ހެކި އެ ބޯޑުގެ ކުރިމަތީގައި އެ ވަގުތު ހުރިކަން އެނގެން އޮންނަކަމާއި، އަޒުހަރު ރަޝާދު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ޤަބޫލުކުރެވުނު ސަބަބުތަކުގެ ޙަޤީޤަތް ދެނެގަތުމަށް އެ ބޯޑުން މަސައްކަތްކޮށްފައިވާކަމަށް އެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާކަމަށާއި، ނަމަވެސް، ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތުން ލާޒިމްވާކަމާއި، ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށް ބެލެވޭނީ، އެންމެ ކުޑަމިނުން އެ ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ޤާނޫނާއި ގަވާއިދާ އެއްގޮތަށް ނުވަތަ ކޯޑް އޮފް ކޮންޑަކްޓާއި ނުވަތަ ފުލުހުން ޢަމަލުކުރަންޖެހޭ އިޖުރާއަތަކާ ނުވަތަ އުޞޫލަކާ ޚިލާފުވެއްޖެކަމަށް ފެންނަ ސަބަބުތައް އެފުލުހަކަށް އެންގުމަށްފަހު، އެ ކަންކަމާމެދު ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ މައްސަލަތައް ބަލާ ބޯޑުން ނުވަތަ ކޮމިޓީން އެ ފުލުހަކަށް އެ ބޯޑުގެ ނުވަތަ ކޮމިޓީގެ ކުރިމައްޗަށް ޙާޟިރުވެ، އެ ތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވުމާއި، އެ ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ނުވަތަ އެ ނޫންވެސް ތައުދީބީ ފިޔަވަޅެއް އަޅަން ބޯޑުން ނުވަތަ ކޮމިޓީން ނިންމައިފިނަމަ، އެ ނިންމުން ލިޔުމަކުން އެ ފުލުހަކަށް ރައްދުކުރަންވާނެ ކަމަށާއި، އަދި މި ފަދައިން ނިންމާ ނިންމުމުގައި ބޯޑުގެ ނުވަތަ ކޮމިޓީގެ ނިންމުން ބިނާކުރި ސަބަބުތައް އޮޅުންފިލާނޭ ގޮތަކަށް ބަޔާންކުރަން ޖެހޭކަމަށްވެސް އެ ޤަޟިއްޔާގައި ފާހަގަކުރައްވާފައިވާކަން.
12.6 އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ މިންވަރު ދެނެގަތުމަށްޓަކައި އިސްވެ ބަޔާންކުރެވުނު އުޞޫލުތައް މި މައްސަލައަށް ތަޠުބީޤު ކުރާއިރު، މި މައްސަލައިގައި ހަމައެކަނި ފެންނަން އޮތީ، މިލިޓަރީ ޕޮލިހަށް އަޙްމަދު ޙަސަނާއި، އަޙްމަދު ފަޒީލު ދިން ބަޔާން އެކަނި ކަމަށާއި، މިލިޓަރީ ޕޮލިހުން ހިންގި ތަޙްޤީޤުގެ ފުރިހަމަ ރިޕޯޓު ނެތުމުން، އަޙްމަދު ޙަސަން ސިފައިންގޭގެ ކޯޑް އޮފް ކޮންޑަކްޓް ނުވަތަ ޢަމަލުކުރަންޖެހޭ އިޖުރާއަތަކާ ނުވަތަ އުޞޫލަކާ ޚިލާފުވެއްޖެކަމަށް ފެންނަ ސަބަބުތައް އެ ފަދައިން އެންގިކަން އެނގެން ނެތުމުގެ އިތުރުން، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރަން މިލިޓަރީ ޕޮލިހުން ނިންމި ނިންމުން ބިނާކުރި ސަބަބުތައްވެސް އެނގެން ނެތްކަމާއި، މުވައްޒަފު ވަޒީފާއިން ވަކިކުރުމަށް ނިންމާ ނިންމުން އަދި އެ ނިންމުން ބިނާކުރި ސަބަބު މުވައްޒަފަށް އެނގުމަކީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމުގައި އެންމެ އަސާސީ އެއް ކަންތައްކަމާއި، މިމައްސަލައިގައި ތަޙުޤީޤެއް ހިންގުނުކަމަށް ވީނަމަވެސް، އެ ތަޙުޤީޤަކީ ފުރިހަމަ ތަޙުޤީޤެއް ކަމުގައި ބެލެވެން ނެތްކަން.
12.7 އެހެންކަމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒްހަރު ރަޝާދު ޤަޟިއްޔާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރަންޖެހޭ މިންވަރުކަމަށް ބަޔާންކޮށްފައިވާ މިންވަރަށް މިމައްސަލާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާތީ، ހައިކޯޓުން މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ނިންމަވާފައި ވަނީ އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާ މިންވަރަށް ބަލައި، ސިވިލް ކޯޓުން ނިންމަވާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށެވެ.
13ދިވެހިރާއްޖޭގެ ހައިކޯޓުގެ އެ ނިންމުން ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.
ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތައް
14ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/139 ޤަޟިއްޔާ ނިންމަވާފައިވަނީ ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށްބުނެ ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައި ވަނީ އެންމެ ނުކުތާއެކެވެ. އެނުކުތާއަކީ؛ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/139 ޤަޟިއްޔާގެ ނިންމުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާތީ، ބަދަލެއްގެ ގޮތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ ޖުމްލަ -149,520 ރ. (އެއްލައްކަ ސާޅީސްނުވަހާސް ފަސްސަތޭކަ ވިހި ރުފިޔާ) އާއި އެ މުއްދަތުގައި ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ޙައްޤުވާ ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 3313/Cv-C/2019 ޤަޟިއްޔާއިން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުއްވުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގެ ވާޤިޢާތަކާއި އިސްތިއުނާފުކުރެވޭ މައްސަލައިގެ ވާޤިއާތައް ތަފާތުކުރުމުގައި ގޯހެއް ހެދިފައިވާތީއާއި، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުވާ މައްސަލަތަކުގައި ނަގައިދެވޭނެ ގެއްލުމުގެ މިންވަރާ ގުޅޭގޮތުން އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުޞޫލު މި މައްސަލައަށް ތަޠުބީޤުކުރުމުގައި ދިވެހިރާއްޖޭގެ ހައިކޯޓުން ގޯހެއް ހެދިފައިވާތީ، މިއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅުއްވާފައިވާ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާ ނިންމެވުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުން ލާޒިމުކުރާ އުޞޫލާ ޚިލާފު ނިންމެވުމެއް ކަމަށް ބުނެ ހުށަހެޅި ނުކުތާ.
15ބަޔާންކުރެވުނު އިސްތިއުނާފީ ނުކުތާ ފާހަގަކުރުމަށްފަހު، ދައުލަތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/139 ޤަޟިއްޔާއިން ކުރައްވާފައިވާ ޙުކުމުގައި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާތީ، ބަދަލެއްގެ ގޮތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ ޖުމްލަ -149,520 ރ. (އެއްލައްކަ ސާޅީސްނުވަހާސް ފަސްސަތޭކަ ވިހި ރުފިޔާ) އާއި، އެ މުއްދަތުގައި ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ޙައްޤުވާ ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުގެ ނަންބަރު 3313/Cv-C/2019 ޤަޟިއްޔާއިން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުއްވުމުގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގެ ވާޤިއާތަކާއި، އިސްތިއުނާފުކުރެވޭ މައްސަލައިގެ ވާޤިއާތައް ތަފާތުކުރުމުގައި ގޯހެއް ހެދިފައިވާތީ، އެ ޤަޟިއްޔާގައި، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުވާ މައްސަލަތަކުގައި ނަގައިދެވޭނެ ގެއްލުމުގެ މިންވަރާ ގުޅޭގޮތުން ކަނޑައަޅުއްވާފައިވާ އުޞޫލު ތަޠުބީޤުކޮށްފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) ގައި ކަނޑައަޅުއްވާފައިވާ މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމަވާ ނިންމެވުންތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވުން ލާޒިމުކުރާ އުޞޫލާ ޚިލާފަށް ކަމަށް ކަނޑައަޅުއްވައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/139 ގެ ނިންމުން ބާޠިލުކަމަށް ކަނޑައަޅުއްވައި، މައްސަލަ ނިންމަވައި ދެއްވުމަށެވެ. އިސްތިއުނާފީ ނުކުތާގެ ރައްދުގައި އަޙްމަދު ޙަސަން ދެއްކި ވާހަކަ
16ދައުލަތުގެ ފަރާތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާގެ ރައްދުގައި އަޙްމަދު ޙަސަންގެ ފަރާތުން ހުށަހެޅި މައްސަލައިގެ ޖަވާބު ފޯމުގައި ފާހަގަކޮށްފައިވަނީ، ޝަރީޢަތަށް ހުށަހެޅޭ ކޮންމެ މައްސަލައަކީ ތަފާތު މައްސަލައެއްކަމަށާއި، މައްސަލައާ ގުޅިގެން ޝަރީޢަތަށް ހުށަހެޅޭ ހެކިތަކާއި، ޤަރީނާތަކާ އަދި އެހެނިހެން ދަލީލުތަކުގެ މައްޗަށް ނަޒަރުކޮށް، ކޮންމެ މައްސަލައަކަށްވެސް ޤާނޫނު ތަޠުބީޤުކުރާނީ އެ މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންތައްތަކަށް ނަޒަރުކޮށްގެންކަމާއި، އަދި ހުށަހެޅިފައިވާ މައްސަލައަކާ ގުޅިގެން ހެކި ވަޒަންކޮށް ތަޤްޔީމުކުރުމަކީ މައްސަލަ ބަލާ ފަނޑިޔާރަށް ލިބިގެންވާ ތަޤްދީރީ ބާރެއްކަމަށެވެ. އަދި ހައިކޯޓުގެ ނަންބަރު 2021/HC-A/139 މައްސަލައިގެ އަޣްލަބިއްޔަތު ރައުޔު ހައިކޯޓުން ނިންމަވާފައިވަނީ ސިވިލް ކޯޓުގެ 3313/Cv-C/2019 މައްސަލައިގެ ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ނަގައިދޭން ކަނޑައަޅާފައިވާ ބަދަލަކީ ރަނގަޅު ބަދަލެއް ކަމަށެވެ. އެހެންކަމުން، ހައިކޯޓުގެ ނަންބަރު 2021/HC-A/139 މައްސަލައިގެ ނިންމުން ރަނގަޅުކަމަށް ދެކޭ ކަމަށެވެ.
17މަތީގައި ބަޔާންކުރެވުނު ފަދައިން އިސްތިއުނާފީ ނުކުތާއަށް ރައްދު ދިނުމަށްފަހު، އަޙްމަދު ޙަސަންގެ ފަރާތުން އެދިފައިވަނީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/139 ޤަޟިއްޔާގެ ނިންމުމަށް ބަދަލުގެންނަން ޖެހޭނެ ތަނެއް ނެތްކަމަށް ކަނޑައަޅުއްވައި، މައްސަލަ ނިންމަވައި ދެއްވުމަށެވެ.
މައްސަލައިގައި ގޮތް ކަނޑައަޅަންޖެހޭ ކަންކަން
18މި މައްސަލައިގައި އޮތީ ސުޕްރީމް ކޯޓުން ގޮތެއް ކަނޑައަޅަންޖެހޭ އެންމެ ނުކުތާއެކެވެ. އެއީ، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވާތީ، ބަދަލެއްގެ ގޮތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ ޖުމްލަ -149,520ރ. (އެއްލައްކަ ސާޅީސްނުވަހާސް ފަސްސަތޭކަ ވިހި ރުފިޔާ) އާއި، އެ މުއްދަތުގައި ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ޙައްޤުވާ ފައިސާ ނަގައިދިނުމަށް ސިވިލް ކޯޓުން ނިންމި ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތްކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ކަނޑައެޅުއްވުމުގައި، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުވާ މައްސަލަތަކުގައި ނަގައިދެވޭނެ ގެއްލުމުގެ މިންވަރާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ އުޞޫލުތައް ތަޠުބީޤުކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ، މި ނުކުތާއެވެ.
19HN1HN2މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުވާ ހާލަތުގައި ބަދަލު ދިނުމާ ގުޅޭގޮތުން، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފައިނޭންސް ލިމިޓެޑް ވ. އިސްމާޢީލް މަސްޢޫދު ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، މުވައްޒަފެއްގެ އަމަލުތައް ހުރީ ކޮންމެ ސިފައެއްގައި ކަމަށް ވަޒީފާދޭ ފަރާތަށް ފެނުނު ނަމަވެސް، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ލާޒިމު އިޖުރާއަތު ފުރިހަމަ ނުކުރުމަކީ ވަޒީފާދޭ ފަރާތަށް އެ ކަން ނުކޮށް ދޫކޮށްލުމުގެ ނުވަތަ އެ ކަމަށް އިންކާރުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫންކަމަށާއި، އެހެންކަމުން، ވަޒީފާދޭ ފަރާތުން ފުރިހަމަކުރުމަށް ޤާނޫނުން ލާޒިމުކުރާ އިޖުރާއަތު ފުރިހަމަކޮށްފައި ނުވާނަމަ އެ ޚިލާފުވުމަށް ބަދަލު ނަގައިދިނުން ލާޒިމުވާކަމަށެވެ. ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލުގެ އަދަދު، މައްސަލަތަކުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައި ނުވާ ހާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ އަދަދަށްވުރެ ކުޑަވާންޖެހޭނެ ކަމަށާއި، އަދި މި ބަދަލަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ޤާނޫނީ ގޮތުން ލާޒިމުކުރާ އިޖުރާއީ އިންސާފު ޤާއިމުކޮށްފައި ނުވާތީ، ހަމައެކަނި އަދަބެއްގެ ސިފައިގައި ރަމްޒީގޮތުން ނަގައިދެވޭ ބަދަލެއް ކަމަށެވެ. މި ކަން މި މޭރުމުން އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގައިވެސް ފާހަގަކޮށްފައިވެއެވެ. އޭގެ އިތުރުން އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގައި ފާހަގަކޮށްފައިވަނީ، މައުޟޫއީ ޢަދުލުވެރިކަން ޤާއިމުވެފައި އޮވެމެ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލު ވާންވާނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ހޭދަވާނޭ ކަމަށް ބެލެވޭ މުއްދަތަށް ރިޢާޔަތްކޮށް ނަގައިދެވޭ ޢަދުލުވެރި ބަދަލެއް ކަމަށެވެ.
20އިސްވެ ފާހަގަކުރެވުނު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ފައިނޭންސް ލިމިޓެޑް ވ. އިސްމާޢީލް މަސްޢޫދު ޤަޟިއްޔާއާއި، އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާއަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނިންމުމުގައިވެސް ހަވާލާދީފައިވާ މައްސަލަތަކެކެވެ. އެ ގޮތުން އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާއާއި، އިސްތިއުނާފުކުރެވިފައިވާ މި މައްސަލައާ އަޅާކިޔައި، ހައިކޯޓުން ބުނެފައިވަނީ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގައި، އެ މައްސަލަ ޑިސިޕްލިނަރީ ބޯޑުގެ ކުރިމައްޗަށް ހުށަހެޅި، ހެކިތައް ވަޒަންކުރެވިފައިވާކަމަށާއި، އަދި އަޒުހަރު ރަޝާދުގެ މައްޗަށް ތުހުމަތުކުރެވުނު އަމަލު އެ ބޯޑަށް ސާބިތުވާކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުން ބިނާވާ އެކަށޭނެ ހެކި އެ ބޯޑުގެ ކުރިމަތީގައި އެވަގުތު ހުރިކަން އެނގެން އޮންނަކަމާއި، އަޒުހަރު ރަޝާދު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ޤަބޫލުކުރެވުނު ސަބަބުތަކުގެ ޙަޤީޤަތް ދެނެގަތުމަށް އެ ބޯޑުން މަސައްކަތްކޮށްފައިވާކަން އެނގޭކަމަށާއި، ނަމަވެސް އިސްތިއުނާފުކުރެވިފައިވާ މި މައްސަލައިގައި ހަމައެކަނި ފެންނަން އޮތީ، މިލިޓަރީ ޕޮލިހަށް އަޙްމަދު ޙަސަނާއި، އަޙްމަދު ފަޒީލު ދިން ބަޔާން އެކަނި ކަމަށާއި، މިލިޓަރީ ޕޮލިހުން ހިންގި ތަޙްޤީޤުގެ ފުރިހަމަ ރިޕޯޓު ނެތުމުން، އަޙްމަދު ޙަސަން ސިފައިންގޭގެ ކޯޑް އޮފް ކޮންޑަކްޓް ނުވަތަ ޢަމަލުކުރަންޖެހޭ އިޖުރާއަތަކާ ނުވަތަ އުޞޫލަކާ ޚިލާފުވެއްޖެކަމަށް ފެންނަ ސަބަބުތައް އެފަދައިން އެންގިކަން އެނގެން ނެތުމުގެ އިތުރުން، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރަން މިލިޓަރީ ޕޮލިހުން ނިންމި ނިންމުން ބިނާކުރި ސަބަބުތައްވެސް އެނގެން ނެތްކަމަށާއި، މި މައްސަލައިގައި ތަޙުޤީޤެއް ހިންގުނުކަމަށްވީނަމަވެސް، އެ ތަޙުޤީޤަކީ ފުރިހަމަ ތަޙުޤީޤެއް ކަމުގައި ބެލެވެން ނެތްކަމަށެވެ. އަދި ސިވިލް ކޯޓުގެ ޙުކުމަށް ބަދަލެއް ގެންނަންޖެހޭ ތަނެއް ނެތްކަމަށް ހައިކޯޓުން ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒްހަރު ރަޝާދު ޤަޟިއްޔާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރަންޖެހޭ މިންވަރުކަމަށް ބަޔާންކޮށްފައިވާ މިންވަރަށް މި މައްސަލާގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާތީ، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ މިންވަރަށް ރިޢާޔަތްކޮށް ކަމަށް ހައިކޯޓުން ބަޔާންކޮށްފައިވެއެވެ.
21HN3އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރަންޖެހޭ މިންވަރުކަމަށް އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގއަ ބަޔާންކޮށްފައިވާ ކަންކަމަށް ބަލާއިރު، އެ މައްސަލައިގެ ޝަރީޢަތް ނިމުނުގޮތުގެ 28 ވަނަ ނުކުތާގައި، ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިވާ ކަމަށް ބެލެވޭނީ، އެންމެ ކުޑަމިނުން އެ ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ނުވަތަ ކޯޑް އޮފް ކޮންޑަކްޓާ ނުވަތަ ފުލުހުން ޢަމަލުކުރަންޖެހޭ އިޖުރާއަތަކާ ނުވަތަ އުޞޫލަކާ ޚިލާފުވެއްޖެކަމަށް ފެންނަ ސަބަބުތައް އެ ފުލުހަކަށް އެންގުމަށްފަހު، އެ ކަންކަމާމެދު ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ މައްސަލަތައް ބަލާ ބޯޑުން ނުވަތަ ކޮމިޓީން އެ ފުލުހަކަށް އެ ބޯޑުގެ ނުވަތަ ކޮމިޓީގެ ކުރިމައްޗަށް ހާޒިރުވެ، އެ ތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު ދީފައިވުމާއި، އެ ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ނުވަތަ އެ ނޫންވެސް ތައުދީބީ ފިޔަވަޅެއް އަޅަން ބޯޑުން ނުވަތަ ކޮމިޓީން ނިންމައިފިނަމަ، އެ ނިންމުން ލިޔުމަކުން އެ ފުލުހަކަށް ރައްދުކުރަންވާނެ ކަމަށާއި، އަދި މިފަދައިން ނިންމާ ނިންމުމުގައި ބޯޑުގެ ނުވަތަ ކޮމިޓީގެ ނިންމުން ބިނާކުރި ސަބަބުތައް އޮޅުން ފިލާނޭގޮތަކަށް ބަޔާންކުރަން ޖެހޭކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެ މައްސަލައިގެ 30 ވަނަ ނުކުތާގައި، އަޒުހަރު ރަޝާދު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވެފައިނުވަނީ އޭނާގެ މައްޗަށް ތުހުމަތުކުރި ކަންތައްތަކާ މެދު ޑިސިޕްލިނަރީ ބޯޑުގެ ކުރިމައްޗަށް ހާޒިރުނުކޮށް، އަދި އޭނާގެ ދިފާއުގައި ވާހަކަ ދައްކައި ޖަވާބުދާރީވުމުގެ ފުރުސަތު ނުދީކަން ސާބިތުވާން އޮތުމުން ކަމަށް ބަޔާންކޮށްފައިވެއެވެ.
22މި މައްސަލާގައި، މިލިޓަރީ ޕޮލިހަށް އަޙްމަދު ޙަސަން ހާޒިރުކޮށް ބަޔާން ނަގާފައިވާ ނަމަވެސް މިލިޓަރީ ޕޮލިހުން ހިންގި ތަޙްޤީޤުގެ ފުރިހަމަ ރިޕޯޓު ހުށަހަޅާފައި ނެތެވެ. އަދި އަޙްމަދު ޙަސަން ސިފައިންގޭގެ ކޯޑް އޮފް ކޮންޑަކްޓް ނުވަތަ ޢަމަލުކުރަންޖެހޭ އިޖުރާއަތަކާ ނުވަތަ އުޞޫލަކާ ޚިލާފުވެއްޖެކަމަށް ފެންނަ ސަބަބުތައް އެ ފަދައިން އެންގިކަންވެސް އެނގެން ނެތެވެ.
23HN4މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެ، އިޖުރާއީ ޢަދުލުވެރިކަން ފުރިހަމައަށް ޤާއިމުނުވާ ޙާލަތުގައި ބަދަލު ނަގައިދިނުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ބައެއް ނިންމުންތަކަށް ބަލާއިރު:
23.1 އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު ޤަޟިއްޔާގައި، އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، އެ ފަރާތް ވަޒީފާއިން ވަކިކުރި އިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 02 (ދޭއް) މަސް ދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެއް ލިބިދިނުމަށް ކަނޑައަޅާފައިވެއެވެ. އެ މައްސަލަ ސުޕްރީމް ކޯޓުން ނިންމާފައިވަނީ 23 ނޮވެންބަރު 2020 ގައެވެ.
23.2 20 ޖަނަވަރީ 2021 ގައި ސުޕްރީމް ކޯޓުން ނިންމާފައިވާ މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް ޤަޟިއްޔާގައި، އެ މައްސަލާގައި އިސްތިއުނާފުކުރި ފަރާތް ވަޒީފާއިން ވަކިކުރިއިރު މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ވީނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، އެ ކަމުގެ ބަދަލެއްގެ ގޮތުން، ވަޒީފާއިން ވަކިކުރި އިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 03 (ތިނެއް) މަސް ދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެއް ލިބިދިނުމަށް ކަނޑައަޅާފައިވެއެވެ.
24އިސްވެ ބަޔާންކުރެވުނު މައްސަލަތަކަށް ބަލާއިރު، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައި ނުވާ މައްސަލަތަކުގެ ތެރެއިން އެންމެ ފަހުން ސުޕްރީމް ކޯޓުން ނިންމާފައިވާ މައްސަލައިގައި ބަދަލުގެ ގޮތުގައި ނަގައިދީފައިވަނީ މުވައްޒަފު ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 03 (ތިނެއް) މަސް ދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެކެވެ. އެހެންކަމުން، އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރެވުނު އިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 03 (ތިނެއް) މަސް ދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެއް ނަގައިދިނުމަށް ފެނެއެވެ.
25HN5އިސްތިއުނާފުކުރެވިފައިވާ މައްސަލައިގައި ބަދަލުގެ ގޮތުގައި، އިސްތިއުނާފު ރައްދުވާ ފަރާތަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ ނަގައިދިނުމަށް ނިންމަވާފައިވެއެވެ. ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާއަކީ ރަމަޟާން މަހާ ގުޅިގެން ދެވޭ ޢިނާޔަތެކެވެ. އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ 2015 ޖަނަވަރީ 19 ވަނަ ދުވަހުއެވެ. އެ ތާރީޚުން ފެށިގެން ކުރިޔަށް ހިނގާ، 03 (ތިނެއް) މަސް ދުވަސް، ހިޖުރީ ސަނަތުން ރަމަޟާން މަހާ ދިމާނުވާކަން 2015 ވަނަ އަހަރުގެ ކަލަންޑަރަށް ބެލުމުން އެނގެއެވެ. އެހެންކަމުން ރަމަޟާން މަހުގެ ޢިނާޔަތުގެ ފައިސާ އިސްތިއުނާފުކުރެވިފައިވާ މި މައްސަލައިގައި ނަގައިދެވިދާނެކަމަށް ނުފެނެއެވެ.
26އިސްވެ ބަޔާންކުރެވުނު ކަންކަމުގެ މައްޗަށް ބަލާއިރު، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވީނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާ މައްސަލަތަކުގައި ބަދަލު ނަގައިދިނުމާ ގުޅޭގޮތުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކަށާއި، ނަގައިދީފައިވާ ބަދަލުގެ މިންވަރަށް ރިޢާޔަތްކޮށް، ސިވިލް ކޯޓުގެ ނަންބަރު 3313/Cv-C/2019 ޤަޟިއްޔާގައި އަޙްމަދު ޙަސަނަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ -149,520 ރ. (އެއްލައްކަ ސާޅީސްނުވަހާސް ފަސްސަތޭކަ ވިހި ރުފިޔާ) އާއި، އެ މުއްދަތުގައި ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ޙައްޤުވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅާފައި އޮތް އޮތުމަށް ބަދަލުގެންނަންޖެހޭކަމަށް ދެކެމެވެ.
މައްސަލަ ނިންމަން ފެންނަ ގޮތް
27ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/139 ޤަޟިއްޔާގައި، ސިވިލް ކޯޓުގެ ނަންބަރު 3313/Cv-C/2019 ޤަޟިއްޔާއިން އަޙްމަދު ޙަސަނަށް ގެއްލުމުގެ ބަދަލެއްގެ ގޮތުގައި 01 (އެކެއް) އަހަރު ދުވަހުގެ މުސާރައާއި ޢިނާޔަތަށްވާ -149,520ރ. (އެއްލައްކަ ސާޅީސްނުވަހާސްފަސްސަތޭކަ ވިހި ރުފިޔާ) އާއި، އެ މުއްދަތުގައި ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ޙައްޤުވާ ފައިސާ ނަގައިދިނުމަށް ކަނޑައަޅާފައި އޮތް އޮތުން ބާޠިލުކުރަން ފެނެއެވެ.
28އަދި މި މައްސަލައިގައި މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާތީ، ބަދަލުގެ ގޮތުގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރެވުނު އިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތުގެ ނިސްބަތުން 03 (ތިނެއް) މަސް ދުވަހުގެ މުސާރައާއި ޢިނާޔަތާ އެއްވަރުގެ އަދަދެއް އެ ފަރާތަށް ޙައްޤުވާކަމަށް ކަނޑައަޅައި މައްސަލަ ނިންމުމަށް ފެނެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
29މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔު
30މި މައްސަލައިގައި ފަނޑިޔާރު ޢަބްދުﷲ ޙަމީދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ
ޙުކުމް
ދެންފަހެ، އިސްވެ ބަޔާންކުރި ސަބަބުތައް އެހެން ހުރުމުން، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި، ށ. ފުނަދޫ / އަލިތަރި، އަޙްމަދު ޙަސަން (އައި.ޑީ ނަންބަރު ) އަދާކުރަމުން ދިޔަ ވަޒީފާއިން ވަކިކުރުމުގައި، މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިވާ ނަމަވެސް، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރެވިފައިނުވާތީ، އަޙްމަދު ޙަސަން ވަޒީފާއިން ވަކިކުރެވުނުއިރު ލިބެމުންދިޔަ މުސާރައާއި ޢިނާޔަތުގެ ނިސްބަތުން 03 (ތިނެއް) މަސް ދުވަހުގެ މުސާރައާއި ޢިނާޔަތާ އެއްވަރުގެ ޢަދަދެއް އަޙްމަދު ޙަސަނަށް ލިބިދިނުމުގެ ގޮތުން، މިއަދު (2026 ޖޫން 29 ވަނަ ދުވަހު) ން ފެށިގެން 15 (ފަނަރަ) ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާޞްކުރުމަށް، ދައުލަތް (މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް) އަށް އަންގައި، މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމްކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/139 ޤަޟިއްޔާއާއި، ސިވިލް ކޯޓުގެ ނަންބަރު 3313/Cv-C/2019 ޤަޟިއްޔާގެ ޙުކުމް ބާޠިލުކޮށްފީމެވެ. މި ޤަޟިއްޔާ ބަލައި ޙުކުމްކުރީ: މުޙައްމަދު އިބްރާހީމް ޢަބްދު އޭ ޙަމީދު (ރިޔާސަތު) ޢާއިޝާ ޝުޖޫން މުޙައްމަދު
ފުޓްނޯޓު
- އައިޑީ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/139 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގެ 3 ވަނަ ޞަފްޙާ
- އބމ
- އބމ
- މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ނަންބަރު MNDF-01-J1-HR(01)/28/2015/07 (06 ޖަނަވަރީ 2015) ސިޓް
- ޤާނޫނު ނަންބަރު 1/2008
- އެ މާއްދާގައި ބަޔާންކޮށްފައިވަނީ، "ވަޒީފާއަށް ފިލައިގެން، ނުވަތަ އަޚްލާޤީ މައްސަލައެއް ދިމާވެގެން، ނުވަތަ ކުށެއް ކޮށްގެން، ނުވަތަ މި ޤާނޫނާއި، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދަކާ ޚިލާފުވެގެން، އެމީހަކު ސިފައިންގެ ވަޒީފާއިން ވަކިކުރުމުގެ އިޚްތިޔާރާއި ބާރު މިނިސްޓަރަށް ލިބިގެންވެއެވެ." މިފަދައިންނެވެ.
- މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނެޝަނަލް ސެކިއުރިޓީގެ ނަންބަރު PM-1/2015/11(2) (19 ޖަނަވަރީ 2015) ވަޒީފާއިން ވަކި ކުރި ޗިޓު
- ސިވިލް ކޯޓުގެ ނަންބަރު 3313/Cv-C/2019 ޤަޟިއްޔާ
- ސިވިލް ކޯޓުގެ ނަންބަރު 3313/Cv-C/2019 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓު
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/27,30 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/38 ޤަޟިއްޔާ
- ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2021/HC-A/139 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތް
- ޤާނޫނު ނަންބަރު 2/2008
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/38 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/27,30 ޤަޟިއްޔާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2014/SC-A/30 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 48 ވަނަ ނުކުތާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2017/SC-A/38 ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ 31 ވަނަ ނުކުތާ.
- ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/17 ޤަޟިއްޔާ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ހައުސިންގ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން ލިމިޓެޑް ވ. އިސްމާޢީލް މަސްޢޫދު (ސުޕްރީމް ކޯޓު 2014/SC-A/27، 30)، ޕެރ. 48
- އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު (ސުޕްރީމް ކޯޓު 2017/SC-A/38)، ޕެރ. 28، 30، 31
- މުޙައްމަދު ޝަމްޢޫން ނަޞީރު ވ. އެޓަރނީ ޖެނެރަލްގެ އޮފީސް (ސުޕްރީމް ކޯޓު 2019/SC-A/17)
- ޤާނޫނު ނަންބަރު 1/2008 (ސިފައިންގެ ޤާނޫނު) ގެ 31 ވަނަ މާއްދާ (ވަކިކުރުމުގެ ބާރު – ވާޤިޢާގައި)
- ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 29 ވަނަ މާއްދާގެ (ހ) ގެ 3 (ހައިކޯޓުން ބުރަވި)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ރ) (ދައުލަތުގެ އިސްތިއުނާފީ ނުކުތާ)
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.