އެޓަރނީ ޖެނެރަލްގެ އޮފީސް ވ. އަޒުހަރު ރަޝާދު
ޚުލާޞާ
ޚުލާޞާ ނެތް.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- —
- ފަހުގެ ތާރީޚު
- —
ނިންމުން
—
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
މި ލިޔުމުން އުޞޫލެއް ނުނެގުނު.
ފަނޑިޔާރުން
- ބެންޗު
- —
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ޝަރީޢަތް ނިމުނު ގޮތް
ޤަޟިއްޔާ ނަންބަރު:
2017/SC-A/38
އިސްތިއުނާފު ކުރާ ފަރާތް:
އެޓަރނީ ޖެނެރަލްގެ އޮފީސް
އިސްތިއުނާފު ރައްދުވާ ފަރާތް:
އަޒުހަރު ރަޝާދު
މައްސަލައިގެ ބާވަތް:
ވަޒީފާއާބެހޭ
މައްސަލަ އައިގޮތް:
އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ފޯމުން
ހުށަހެޅުނު ތާރީޚު:
23 ފެބްރުއަރީ 2017ރަޖިސްޓްރީ ކުރެވުނު ތާރީޚު:
09 ނޮވެމްބަރ 2017ނިމުނު ތާރީޚު:
23 ނޮވެމްބަރ 2020މައްސަލަބެލި ފަނޑިޔާރުންގެ މަޖިލިސް:
ފަނޑިޔާރު ޙުސްނުއްސުޢޫދު، ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު، ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުއިސްތިއުނާފު ކުރެވުނު ޤަޟިއްޔާ
ނަންބަރު:
2014/HC-A/150
ރަޖިސްޓްރީ ކުރެވުނު ތާރީޚު:
29 މެއި 2014ނިންމި ކޯޓު:
ދިވެހިރާއްޖޭގެ ހައިކޯޓު
ނިމުނު ތާރީޚު:
01 ޑިސެމްބަރ 2016
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ތާއީދު ކުރައްވާފައި)
ތައާރުފު
މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/150 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ އެޓަރނީ ޖެނެރަލްގެ ފަރާތުން (މީގެ ފަހުން 'ދައުލަތް' ނުވަތަ 'އިސްތިއުނާފުކުރާ ފަރާތް') ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ގއ. ވިލިނގިލީ އަޒުހަރު ރަޝާދު (މީގެ ފަހުން އަޒުހަރު ރަޝާދު ނުވަތަ 'އިސްތިއުނާފު ރައްދުވާ ފަރާތް') އެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ސުވާލަކީ، އަޒުހަރު ރަޝާދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތް
އަޒުހަރު ރަޝާދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ގެންދިޔައީ ޕޮލިސް ކޮންސްޓަބަލްއެއްގެ ވަޒީފާއެވެ. އެ ވަޒީފާގައި އަޒުހަރު ރަޝާދު ޑިއުޓީކުރަމުން ދިޔައީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދޫނިދޫ ކަސްޓޯޑިއަލްގައެވެ.
2011 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ހެނދުނު 09:00 އެހާއިރު ދޫނިދޫ ޖަލުގެ ސީ ބްލޮކް ބަލައިފާސްކުރުމުގެ ތެރޭގައި C-14 ނަންބަރު ގޮޅީގެ ފާޚާނާގެ ތެރެއިން ނޮކިއާ ފޯނެއް ފެނުނެވެ. އެ ފޯނުގައި ފެންނަން ހުރި މެސެޖުތައް ފުލުހުން ބެލިއިރު ހަމަ އެ ދުވަހު (18 ޖެނުއަރީ 2011 ވަނަ ދުވަހު) 00:21 ގައި، ޖަލުގޮޅިއެއްގެ ފާޚާނާގައި ހުރި ފްލަޝްޓޭންކެއްގެ ތެރޭގައި ފޮރުވާފައިވާ އެއްޗެއް ނުފެނުމުން 7640744 ނަންބަރު ފޯނުން ޖަލު ގޮޅިން ފެނުނު ފޯނަށް ޕޮލިސް ކޮންސްޓަބަލް އަޒުހަރު ރަޝާދުގެ 7574207 ފޯނު ނަންބަރު ފޮނުވައި އަޒުހަރު ރަޝާދުގެ އެ ނަންބަރަށް ގުޅުމަށް ބުނެފައި ވެއެވެ. އަދި އެ ތަކެތި ނުފެނިގެން ޖަލުގެ ގޮޅިން ފެނުނު ފޯނުން އަޒުހަރު ރަޝާދުގެ ފޯނަށް 4 މެސެޖު ކޮށްފައިވެއެވެ. ހަމަ އެ ދުވަހު 02:37 ގައި އަޒުހަރު ރަޝާދުގެ ފޯނުން މެސެޖު ނުކުރެވޭ ކަމަށް ބުނެ ކުރިން ހަވާލާދިން 7640744 ނަންބަރު ފޯނުން، ޖަލުގޮޅިން ފެނުނު ފޯނަށް އަނެއްކާވެސް މެސެޖެއް ފޮނުވައި، އަޒުހަރު ރަޝާދުގެ ފޯނުން މެސެޖު ނުފޮނުވޭ ކަމަށް ބުނެ ޖަލުގެ ގޮޅިން ފެނުނު ފޯނަށް މެސެޖުކޮށްފައިވެއެވެ.
ގަވާއިދާ ޚިލާފަށް ދޫނިދޫ ގޮޅިއަށް އެއްޗެއް ވެއްދުމަށް މަސައްކަތްކުރުމުގައި އަޒުހަރު ރަޝާދު ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ ސަބަބުތަކެއް ހުރި ކަމަށް ބަޔާންކޮށް، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 65 ވަނަ މާއްދާގެ (ހ) ގެ ދަށުން 20 ޖެނުއަރީ 2011 ގައި މުސާރަ ނުލިބޭ ގޮތަށް އަޒުހަރު ރަޝާދު ވަޒީފާއިން ސަންސްޕެންޑު ކުރިއެވެ.
ޕޮލިސް ކޮންސްޓަބަލް އަޒުހަރު ރަޝާދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދޫނިދޫ ކަސްޓޯޑިއަލްގައި ޑިއުޓީ އަދާކުރަމުން އައި ދުވަސްވަރު އޭނާ ގަވާއިދާ ޚިލާފަށް ޖަލަށް ތަކެތި ވެއްދުމުގައި އެހީތެރިވާކަމަށް ގަބޫލުކުރެވޭ އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ބަޔާންކޮށް، އަޒުހަރު ރަޝާދު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުން ގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ 30 މޭ 2011 ގައެވެ. (މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރު 71/VKL/2011/57 ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން).
އަޒުހަރު ރަޝާދު ވަޒީފާއިން ވަކިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމުގައި ބުނެފައިވަނީ އެ މައްސަލައިގައި ހެކިބަސްދީފައިވާ ފަރާތްތަކުގެ ހެކިބަހަށް ރިއާޔަތްކުރުމުން ޕޮލިސް ކޮންސްޓަބަލް އަޒުހަރު ރަޝާދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ދޫނިދޫ ކަސްޓޯޑިއަލް ބައިގައި ޑިއުޓީ އަދާކުރަމުން ގެންދިޔަ ދުވަސްވަރު ގަވާއިދާ ޚިލާފަށް ޖަލަށް ތަކެތި ވެއްދުމުގައި އެހީތެރިވާކަމަށް އެކަށީގެންވާ ހެކިތައް ލިބިފައިވާތީ، މިކަމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގައި މަސައްކަތްކުރާ ފުލުހެއްގެ ކިބައިން ފެނިގެން ނުވާނެ އަދި ފުލުހުންގެ ގާނޫނާއި ގަވާއިދާއި ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުކަމަކަށް ވާތީވެ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) އާއި ހަވާލާދީ، މައްސަލައިގެ ކުޑަބޮޑު މިނަށާއި، މައްސަލައިގެ ބާވަތަށް ރިއާޔަތްކޮށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 8 ވަނަ މާއްދާގެ (ކ) ގައިވާ ގޮތުގެމަތިން ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން އަޒުހަރު ރަޝާދު ވަޒީފާއިން ވަކިކުރުމަށް ނިންމީ ކަމަށެވެ.
އެކަށީގެންވާ ސަބަބެއް ނެތި ގާނޫނާ ގަވާއިދާ ޚިލާފަށް އަޒުހަރު ރަޝާދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ބުނެ، އެ ވަޒީފާ އަނބުރާ ލިބިދިނުމަށާއި ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާއި، ކުރިއެރުންތަކާއި، ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، ގާނޫނީ ވަކީލަށް ޚަރަދުވި ފައިސާ ލިބުމަށް އެދިގެން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.
ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ކޮންސްޓަބަލް ގެ ވަޒީފާގައި އަޒުހަރު ރަޝާދު ހުއްޓައި އޭނާ އެ ވަޒީފާއިން ވަކިކޮށްފައިވަނީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓުގެ 1 އާއި 6 އާއި 8 ވަނަ މާއްދާއާއި ޚިލާފުވެގެން ކަމަށް ބެލެވެން ނެތް ކަމަށާއި، އަޒުހަރު ރަޝާދު ގާނޫނާ ގަވާއިދާ ޚިލާފަށް އަމަލުކުރިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވާ ފަދަ ހެއްކެއް ނެތްކަން ޝަރީއަތަށް ހުށަހެޅިފައިވާ ތަހުގީގު ބަޔާންތަކުންނާއި ލިޔުންތަކުން ސާބިތުވާތީވެ، ޕޮލިސް ކޮންސްޓަބަލް އަޒުހަރު ރަޝާދު އެ ވަޒީފާއިން ވަކިކުރީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދާއި، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާއި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދާއި އެއްގޮތަށް ނޫން ކަމަށެވެ. އަދި އިތުރަށް އެ ހުކުމުގައި އަމުރުކޮށްފައިވަނީ އަޒުހަރު ރަޝާދުއަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެ ވަޒީފާއިން ވަކިނުވެ އެ ވަޒީފާގައި ދެމިހުރި މީހެއް ކަމުގައި ބެލުމަށާއި، އަޒުހަރު ރަޝާދު ވަޒީފާގައި ހުރުމުން ލިބެމުން ދިޔަ މުސާރައާއި އިނާޔަތްތައް އެ ގޮތުގައި އެ ހާތަނަށް ލިބި ދިނުމަށާއި، މި ދުވަސްތައް ޚިދުމަތުގެ މުއްދަތަށް ގުނުމަށާއި، މޯލްޑިވްސް ޕޮލިސް ސަވިސްގައި އަޒުހަރު ރަޝާދު ކުރިން ހުރި ވަޒީފާއަށް 30 ޑިސެމްބަރު 2013 އިން ފެށިގެން 10 ދުވަހުގެ ތެރޭގައި އަނބުރާ އިއާދަކުރުމަށެވެ.
ސިވިލް ކޯޓުގެ މި ހުކުމް ދައުލަތުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2014/HC-A/150 ގަޒިއްޔާގައި ނިންމާފައިވަނީ ސިވިލް ކޯޓުން ކުރި ހުކުމަށް ތާއީދުކުރެވޭ ކަމަށެވެ.
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2014/HC-A/150 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ ދައުލަތުގެ ފަރާތުން އެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ބެލި މައްސަލައެވެ.
އިސްތިއުނާފު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތައް
މި މައްސަލަ އިސްތިއުނާފު ކުރުމަށް ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާ ތަކެވެ.
(ހ)ހައިކޯޓުގެ ނަންބަރު 2014/HC-A/150 ގަޒިއްޔާ ނިންމާފައިވަނީ މައްސަލައާ ގުޅޭގޮތުން ދައުލަތުން ހުށަހެޅި އެންމެހައި ލިޔުންތަކާއި ހެއްކާއި ގަރީނާއަށް ފުރިހަމައަށް ރިއާޔަތް ނުކޮށް ކަމުގައިވުން.
(ށ)ވަޒީފާއަށް އަނބުރާ ރުޖޫއަ ކޮށްދިނުމަށާއި، އިނާޔަތްތައް ލިބިދިނުމަށް ހުކުމް ކޮށްފައިވާއިރު، ވަޒީފާއިން ވަކިކޮށްފައިވަނީ އިންސާފުވެރިގޮތަކަށް ނޫންގޮތަކަށް ކަމަށް ކަނޑައެޅޭ ހާލަތުގައިވެސް ވަޒީފާ އަނބުރާ ރުޖޫއަކުރުމަކީ ވަޒީފާއަދާކުރާ ފަރާތުގެ ހައްގެއް ނޫން ކަމަށާއި، އެފަދައިން ވަޒީފާ އަނބުރާ ރުޖޫއަކޮށްދޭން އެދިއްޖެނަމަ މައްސަލައިގެ ވަށައިގެންވާ ކަންކަމަށް ބަލައި ވަޒީފާ އަނބުރާ ރުޖޫއަކުރުމަކީ ކޯޓުތަކަށް ނުވަތަ ޓްރައިބިއުނަލަށް ލިބިގެންވާ އިޚްތިޔާރެއް ކަމަށްވާއިރު، އެކަންކަމަށް ބަލާފައި ނެތުން.
އިސްތިއުނާފު ކުރަން ހުށަހެޅި ފުރަތަމަ ނުކުތާ
ދައުލަތުގެ ފަރާތުން ހައިކޯޓުގެ ނަންބަރު 2014/HC-A/150 ގަޒިއްޔާ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ފުރަތަމަ ނުކުތާގައި އެދިފައިވަނީ މި މައްސަލައިގައި ދައުލަތުގެ ފަރާތުން ދަށު ކޯޓަށާއި ހައިކޯޓަށް ހުށަހެޅި، އަދި އަޒުހަރު ރަޝާދުގެ މައްޗަށް ފިޔަވަޅު އެޅުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ވަޒަންކުރި ހެކިތައް ސުޕްރީމް ކޯޓުން އަލުން ވަޒަންކޮށް ދިނުމަށެވެ.
އިދާރީ ފިޔަވަޅު އަޅާ ބޯޑަކުން ނުވަތަ ދަށު ކޯޓުގެ ފަނޑިޔާރަކު ނުވަތަ ޓްރައިބިއުނަލުގެ މެންބަރަކު ބެލި މައްސަލައެއްގައި ޚަސްމަކު ހުށަހަޅާފައިވާ ހެއްކަކުން އެ މައްސަލައިގައި ހިމެނޭ ވާގިއާއެއް ސާބިތުވާކަމަށް ނުވަތަ ނުވާކަމަށް ކަނޑައެޅުމުން އެ ހެއްކެއް އަލުން ވަޒަންކޮށް އޭގެ ދޮގުތެދު ވަޒަންކުރުމަކީ އާންމުކޮށް އިސްތިއުނާފީ ކޯޓަކުން ކުރާކަމެއް ނޫނެވެ. ނަމަވެސް، އިސްތިއުނާފީ ކޯޓުތަކުގެ ފަނޑިޔާރުންގެ ދައުރުގެ ތެރޭގައި ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނިންމާފައިވާ ނިންމުން ނިންމުމުގައި ދަށު ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުން ހިމެނޭތީވެ، އެ ހެއްކަކުން ދޭހަވާ ގޮތެއް ބަޔާންކުރުމުގެ ބާރު ޝަރީއަތްކުރާ ފުރަތަމަ މަރުހަލާގެ ކޯޓަށް ނުވަތަ މައްސަލަބަލާ ޓްރައިބިއުނަލަށް ލިބިގެންވާ ފަދައިން، އެ ގަޒިއްޔާގައި ބަޔާންކުރާ ހާލަތުގައި އެ ހެއްކަކުން ނެރެވޭ ދޭހައަކީ ކޮބައިކަން ކަނޑައެޅުމުގެ ބާރު އިސްތިއުނާފީ ކޯޓަށް ވެސް ލިބިގެންވާ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ޖާބިރު ޢަބްދުއްރަޙްމާން ވ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވެއެވެ. ހަވާލާދިން ގަޒިއްޔާގައި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ބެލުން އިސްތިއުނާފީ ކޯޓުތަކުގެ ބާރުގެ ތެރޭގައި ހިމެނޭތީވެ، ޝަރީއަތްކުރާ ކޯޓަށް ހުށަހެޅުނު ހެކިތައް އަލުން ވަޒަންކުރުމުގެ ބާރު އަންނަނިވި ހާލަތްތަކުގައި އިސްތިއުނާފީ ކޯޓުތަކަށް ލިބިގެންވާ ކަމަށެވެ.
(ހ)މައްސަލައިގައި ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ގޮތެއް ކަނޑައަޅަންޖެހޭ މައިގަނޑު ކަމަކާމެދު އެ ކޯޓުން ގޮތެއް ކަނޑައަޅާފައި ނެތުން.
(ށ)ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ހެކި ވަޒަންކޮށްފައިވަނީ ބުއްދީގެ ހަމަތަކާ ޚިލާފަށް ކަމުގައިވުން.
(ނ)ޝަރީއަތްކުރާ ކޯޓުގެ ނުވަތަ ޓްރަބިއުނަލުގެ ކުރިމަތީގައި ހުރި ހުރިހާ ހެކިތަކަށް ޝާމިލުގޮތެއްގައި ބަލާއިރު، ހުށަހެޅިފައިވާ ހެއްކަކުން ނުވަތަ ހެކިތަކުން ޝަރީއަތްކުރާ ކޯޓުން ނުވަތަ ޓްރައިބިއުނަލުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހައެއް ކަމަށް ފެނުން.
(ރ)އެ މައްސަލައިގައި ސާބިތުވެފައިވާ ވާގިއާތަކުގެ މައްޗަށް ތަތުބީގުކޮށްފައިވަނީ ރަނގަޅުނޫން ގާނޫނީ އުސޫލުތަކެއް ކަމުގައިވުން.
ދައުލަތުން އިސްތިއުނާފުކޮށްފައިވާ މި މައްސަލައިގައި ދަށު ކޯޓާއި ހައިކޯޓަށް ހުށަހެޅުނު ހުރިހާ ހެކިތަކަށް ޝާމިލުގޮތެއްގައި ބަލާއިރު، ހުށަހެޅިފައިވާ ހެކިތަކުން އެ ދެ ކޯޓުން ނެރެފައިވާ ދޭހައަކީ ރަނގަޅުނޫން ދޭހަތަކެއް ކަމަށް ގަބޫލުކުރާނެތަން އޮތުމުން އެ ހެކިތައް އަލުން ސުޕްރީމް ކޯޓުން ވަޒަންކުރަންޖެހޭ ކަމަށް ދެކެމެވެ.
މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ބެލުން
ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ކަނޑައެޅުމުގައި ކޯޓުތަކުން ބަލަންވާނީ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަވެފައި ވޭތޯއެވެ.
ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރު ލިބިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހަދާފައިވާ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ "މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ ތަހުގީގަކުން ނުވަތަ ތަހުލީލަކުން މުވައްޒަފަކު ގާނޫނާ ނުވަތަ ގަވާއިދާ ޚިލާފު އަމަލެއް ކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވާ ހާލަތެއްގައި، އެ ކުޅަ އަމަލުގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސްފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން" ކަމަށެވެ.
ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެނީ ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ކަމެއް ފުރިހަމަވެގެން ކަމާއި އެތަނުން އެއް ކަމަކީ ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވުން ކަމާއި؛ ދެވަނަ ކަމަކީ ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވާ އެ އަމަލަކީ އެ އަމަލުގެ ސަބަބުން، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީއަށް ފެނުމުން ކަމެވެ. ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ހަވާލާދީފައިވާ ގަވާއިދާ ޚިލާފު އަމަލުތަކުގެ ތެރޭގައި ފުލުހުންގެ އެންމެހައި ގަވާއިދުތަކާއި ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި އުސޫލުތައް ހިމެނެއެވެ.
ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ މައްޗަށް ހިނގަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާ އާންމު ހަމަތަކާއި މިންގަނޑުތައް ނޫންކަން އެނގެއެވެ. އެގޮތުން ފުލުހުންނަކީ، ހުވައެއް މަތީގައި ތިބެ، ގާނޫނު ތަންފީޒުކޮށް އަމަން ބަލަހައްޓާ މުއައްސަސާއެއްގައި މަސައްކަތްކުރާ ބަޔަކު ކަމަށްވާތީ، ގާނޫނު ތަންފީޒުކުރުމާއި އަމަން ބެލެހެއްޓުމާ ގުޅޭކަންކަމުގައި ފުލުހުންގެ މުއައްސަސާއަށް އެއްބާރުލުން ދިނުމާއި ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބުކަމަށްވާއިރު، އެ ވާޖިބާ ފުށުއަރާ ފަދަ ގޮތަކަށް ފުލުހެއްގެ އަމަލު ހުރެއްޖެނަމަ، އެކަމުގެ ސަބަބުން މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށްވާތީވެ، ފުލުހުންގެ ގަވާއިދުތަކާއި ކޯޑް އޮފް ކޮންޑަކްޓާއި ޚިލާފުވެފައިވޭތޯ ބެލުމުގައި ރިއާޔަތްކުރާނޭ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ އާންމު ގާނޫނުގެ ދަށުން ރިއާޔަތްކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ.
ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފުލުހަކު ގާނޫނާ ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެފައިވޭތޯ ބެލުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުގެ މަސްއޫލިއްޔަތަކީ، ފިޔަވަޅު އެޅުމަށް އެކަށޭނަ ހެކި ހުރިތޯ ވަޒަންކުރުމެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ 2012/SC-A/27 ގަޒިއްޔާގެ ހުކުމުގައި ބަޔާންކޮށްފައިވާ އުސޫލަށް ބަލާއިރު، ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، ފުރަތަމަ، ކޯޓުން ބަލަންވާނީ އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑުގެ ކުރިމަތީގައި އެވަގުތު އޮތްތޯ ނުވަތަ ނޫންތޯއެވެ. ދެވަނަ ކަމަކަށް ކޯޓުން ބަލަންވާނީ ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއް ކޮށްފައިވޭތޯއެވެ.
ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ، ފުލުހަކު ގާނޫނާ ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވުމުގެ އިތުރަށް، އެމީހާ ކުރި އަމަލުގެ ޒާތަށް ބަލާއިރު އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އޭގެ ސަބަބުން އެ ތަނުގެ އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެނުމުންނެވެ. އެ ތުހުމަތުކުރެވޭ އަމަލުގެ ބާވަތަކީ ފުލުހުންގެ މައިގަނޑު ވާޖިބާއި މަސްއޫލިއްޔަތާ ފުށުއަރާ އަމަލެއް ކަމުގައިވާނަމަ، އެ އަމަލަކީ އޭގެ ޒާތުގައި އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ބެލެވިދާނެއެވެ.
ބޯޑުގެ ކުރިމަތީގައި ހުރި ހެކި
ފޯނު އެގްޒޭމިނޭޝަން ރިޕޯޓު: މި ރިޕޯޓުގައިވާ ގޮތުން، ޖަލު ގޮޅިން ފެނުނު ފޯނުން ކޮށްފައިވާ މުއާމަލާތުތަކަށް ބަލާއިރު، އަޒުހަރު ރަޝާދުގެ ނަންބަރު 7574207 އިން 7640744 ނަންބަރަށް އެ ފޯނުން މެސެޖުކޮށްފައިވެއެވެ. އެ ފޯނުގައި ހުރި މެސެޖުތަކަށް ބެލިއިރު 18 ޖެނުއަރީ 2011 ވަނަ ދުވަހު 00:21 ގައި 7640744 ނަންބަރު ފޯނުން، ޖަލު ގޮޅިން ފެނުނު ފޯނަށް ޕޮލިސް ކޮންސްޓަބަލް އަޒުހަރު ރަޝާދުގެ 7574207 ފޯނު ނަންބަރު ފޮނުވައި އަޒުހަރު ރަޝާދުގެ އެ ނަންބަރަށް ގުޅުމަށް ބުނެފައި ވެއެވެ. އަދި ޖަލުގެ ގޮޅިން ފެނުނު ފޯނުން އަޒުހަރު ރަޝާދުގެ ފޯނަށް 4 މެސެޖު ކޮށްފައިވެއެވެ. ހަމަ އެ ދުވަހު 02:37 ގައި އަޒުހަރު ރަޝާދުގެ ފޯނުން މެސެޖު ނުކުރެވޭ ކަމަށް ބުނެ ކުރިން ހަވާލާދިން 7640744 ނަންބަރު ފޯނުން، ޖަލުގޮޅިން ފެނުނު ފޯނަށް އަނެއްކާވެސް މެސެޖެއް ފޮނުވައި، އަޒުހަރު ރަޝާދުގެ ފޯނުން މެސެޖު ނުފޮނުވޭ ކަމަށް ބުނެ ޖަލުގެ ގޮޅިން ފެނުނު ފޯނަށް މެސެޖުކޮށްފައިވެއެވެ.
ދޫނިދޫ C-14 ގޮޅިން ފެނުނު ފޯނަށް 7640744 ފޯނުން އެރޭ 00:21 ގައި މެސެޖުކޮށްފައި ބުނެފައިވަނީ އަޒުހަރު ރަޝާދުގެ ނަންބަރު 7574207 ފޯނާއި 7640744 ފޯނުން ގުޅާފައި ވާހަކަ ދެއްކި ކަމަށެވެ. ފިރިހެން ޔާޑްގެ ވައަތް ފަރާތު ބަރީގެ އެންމެ ވައަތް ފަރާތުގައި ހުރި ގޮޅީގެ ފްލަޝް ޓޭންކުގައި ގޮޅިން ފެނުނު ފޯނު ގެންގުޅޭ ފަރާތަށް ރައްދުކުރަން އެއްޗެއް އަޒުހަރު ރަޝާދުގެ އަމިއްލަ އަތުން ލާފައިވާކަމަށް އަޒުހަރު ރަޝާދު ބުނެފައިވާ ކަމަށް ގޮޅިން ފެނުނު ފޯނުން މުއާމަލާތުކުރި މީހާއާއި 7640744 ފޯނުން މުއާމަލާތު ކުރި ފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ މެސެޖުތަކުން އެނގެއެވެ. އަޒުހަރު ރަޝާދު ބުނިކަމަށް ބުނާ ގޮޅީގައި ހުރި ފްލަޝް ޓޭންކް އެގޮތްމިގޮތަށް ބަލައި ޗެކްކުރުމަށް ފަހު އެ ބުނާ އެއްޗެއް އެ ފްލަޝް ޓޭންކުގައި ނެތް ކަމަށް ގޮޅިން ފެނުނު ފޯނުން 7640744 ނަންބަރު ފޯނަށް އަންގާފައިވެއެވެ. އަދި 7640744 ފޯނުން ގޮޅިން ފެނުނު ފޯނަށް މެސެޖުކޮށް ތަކުރާރުކޮށް ބުނެފައިވަނީ އެ ފްލަޝް ޓޭންކުގައި އެ ތަކެތި ހުންނާނެ ކަމަށާއި އެ ތަކެތި އެ ތަނަށް ލާފައިވަނީ ސީދާ އަޒުހަރު ރަޝާދުގެ އަތުން ކަމަށެވެ. އަދި ފްލަޝް ޓޭންކުން އެ ތަކެތި ނުފެނިގެން ގޮޅިން ފެނުނު ފޯނުން އަޒުހަރު ރަޝާދުގެ ނަންބަރު 7574207 ފޯނަށް މެސެޖުކޮށްފައިވެއެވެ. އަޒުހަރު ރަޝާދުގެ ފޯނަށް ފޮނުވި މެސެޖުތަކަށް ޖަވާބު ނުދީގެން އަނެއްކާވެސް ގޮޅިން ފެނުނު ފޯނުން 7640744 ނަންބަރު ފޯނަށް ގުޅައި ޝަކުވާ ކޮށްފައި ވެއެވެ.
ހެއްކަކުން ދޭހަވާ ކަމަކާ ގުޅޭގޮތުން ދެ ގޮތަކަށް ދޭހަވާން އޮންނަ އިރު މި ފަދަ ހާލަތްތަކުގައި ޝަރީއަތުން ބޮޑަށް ބުރަވާނީ ކޮން ގޮތަކަށްތޯ ބަލާއިރު އެކަން ފަނޑިޔާރުން ކުރާނޭ ތަފާތު ގޮތްތައް ސުޕްރީމް ކޯޓުގެ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް ވ. ޖާބިރު ޢަބްދުއްރަޙްމާން ގަޒިއްޔާގެ ހުކުމުގެ 39 ވަނަ ޕެރެގްރާފުން ފެށިގެން 44 ވަނަ ޕެރެގްރާފުގެ ނިޔަލަށް ހުރި ޕެރެގްރާފުތަކުގައި ބަޔާންކޮށްފައިވެއެވެ. މި މައްސަލައިގައި ލިބެންހުރި ހެކިތަކުން ދޭހަވާ ދޭހަވުމާބެހޭ ގޮތުން ދެ ފަރާތުން ދޭހަކުރާ ގޮތް ތަފާތުވެފައި ވާތީ އެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން މި މައްސަލައިގައި ލިބިފައި ހުރި ހެކިތަކުން ބޮޑަށްބުރަވެވޭ ގޮތެއް ކަނޑައެޅުމުގައި އަންނަނިވި ކަންކަމަށް ރިއާޔަތްކުރެވިފައިވެއެވެ.
އަޒުހަރު ރަޝާދުއާ ދެކޮޅަށް ކުރެވޭ ދޭހަތައް
(ހ)ދޫނިދޫ C-14 ގޮޅިން ފެނުނު ފޯނާއި 7640744 ފޯނާ ދެމެދު 18 ޖެނުއަރީ 2011 ރޭ ދަންވަރު 12 ގެ ފަހުން ބަދަލުކުރެވިފައިވާ މެސެޖުތަކުން، ފިރިހެން ޔާޑްގެ ވާތްފަރާތު ބަރީގެ އެންމެ ވާތްފަރާތުގައި ހުރި ގޮޅީގެ ފްލަޝް ޓޭންކުގައި ގަވާއިދާ ޚިލާފަށް ބަންދު މީހަކަށް ރައްދުކުރަން އަޒުހަރު ރަޝާދު އެއްޗެއް ބާއްވާދީފައިވާ ކަމަށް ބުނެފައިވާތީވެ، އަޒުހަރު ރަޝާދު އެކަމުގައި ބައިވެރިނުވާނަމަ އެ ދެ މީހުން އެގޮތަށް އެ ވާހަކަ ދައްކަންވީ ކީއްވެގެން ހެއްޔެވެ؟
(ށ)ގޮޅިއަކަށް އެއްޗެއް އެތެރެކުރެވޭނީ އެ ތަނުގައި ޑިއުޓީކުރާ މީހަކު މެދުވެރިކޮށް ކަމުގައިވާތީވެ އެފަދަ ކަމެއް ކުރުމަށް އަޒުހަރު ރަޝާދު ނޫން އެހެން މީހަކު ބޭނުންކުރިނަމަ، އަޒުހަރު ރަޝާދުގެ ފޯނު ނަންބަރު ދީފައި 7640744 ފޯނުން C-14 ގޮޅިން ފެނުނު ފޯނަށް އަޒުހަރު ރަޝާދުގެ ނަންބަރު 7574207 ފޮނުވައި އެ ނަންބަރަށް ގުޅުމަށް ބުނަންވީ ކީއްވެގެން ހެއްޔެވެ؟
(ނ)ފްލަޝް ޓޭންކުން އެ ތަކެތި ނުފެނުމުން C-14 ގޮޅިން ފެނުނު ފޯނުން އަޒުހަރު ރަޝާދުގެ ނަންބަރު 7574207 ފޯނަށް އެ ތަކެތި ނުފެނިގެން އެކަމާބެހޭ ގޮތުން މެސެޖުކުރީ ކީއްވެގެން ހެއްޔެވެ؟
(ރ)ފްލަޝް ޓޭންކުން އެ ތަކެތި ނުފެނުނުކަމަށާ އަޒުހަރު ރަޝާދުގެ ފޯނުން މެސެޖަށް ޖަވާބުނުދޭ ކަމަށް ބުނެ C-14 ގޮޅިން ފެނުނު ފޯނުން 7640744 ނަންބަރަށް މެސެޖުކުރުމުން އެ ތަކެތި ފްލަޝް ޓޭންކަށްލީ ސީދާ އަޒުހަރު ރަޝާދުގެ އަމިއްލަ އަތުން ކަމަށް އަޒުހަރު ރަޝާދު ބުނާކަމަށް 7640744 ނަންބަރު ފޯނުން ބުނެ ޖަވާބުދީފައިވަނީ ކީއްވެގެން ހެއްޔެވެ؟
(ބ)އަޒުހަރު ރަޝާދުއާ އެ ކަމާ އެއްވެސް ގުޅުމެއް ނެތްނަމަ އަޒުހަރު ރަޝާދުގެ ނަންގަނެ އަޒުހަރު ރަޝާދުގެ ފޯނުގެ ނަންބަރުދީ އެ ދެފަރާތުގެ ދެމެދުގައި ބަދަލުކުރެވުނު މެސެޖުތަކުގައި އެ ވާހަކަ އެގޮތަށް ދައްކަންވީ ސަބަބެއް އެބަ އޮތް ހެއްޔެވެ؟
(ޅ)އަޒުހަރު ރަޝާދުގެ ފޯނަށް ގޮޅިން ފެނުނު ފޯނުން މެސެޖުކުރުމުން، އަޒުހަރު ރަޝާދުގެ ފޯނުން ޖަވާބު ނުދޭކަމަށް ބުނެ ގޮޅިން ފެނުނު ފޯނުން އަނެއްކާ 7640744 ނަންބަރަށް މެސެޖުކުރުމުން އަޒުހަރު ރަޝާދުގެ ނަންބަރު 7574207 ފޯނުން ޖަވާބުނުދެވޭ ސަބަބު އަޒުހަރު ރަޝާދު ނުދަންނަ އަދި މުއާމަލާތް ނުކުރާ އަދި ގުޅުމެއް ނެތް ފަރާތަކަށް އެނގިދާނެ ހެއްޔެވެ؟
(ކ)ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީގެ ކޯލް ރެކޯޑްތަކުން ދައްކާގޮތުގައި 7640744 ނަންބަރު ފޯނާއި އަޒުހަރު ރަޝާދުގެ ނަންބަރު 7574207 ފޯނާ ދެމެދު އެކަކު އަނެކަކަށް އެ ތަކެއް ދުވަސް މަތީން ގުޅާފައިވާ ކަމަށް ފެންނާތީވެ، އެކަމުން 7640744 ފޯނު ގެންގުޅޭ ފަރާތަކީ އަޒުހަރު ރަޝާދު ދަންނަ އަދި މުއާމަލާތް ކުރަމުން ދިޔަ މީހެއްކަން ދޭހަވެއެވެ.
(އ)ދޫނިދޫ ކަސްޓޯޑިއަލްގައި މަސައްކަތްކުރާ ފުލުހަކަށް، ނަންބަރު 7640744 ފޯނުން ގުޅައި ދޫނިދޫ ކަސްޓޯޑިއަލް އަށް ވަގަށް އެއްޗެއް އެތެރެކުރުމަށް މަސައްކަތް ކޮށްފައިވާކަން އެނގެއެވެ.
އަޒުހަރު ރަޝާދުއާ އެއްކޮޅަށް ކުރެވޭ ދޭހަތައް
(ހ)ގޮޅިން ފެނުނު ފޯނުން އަޒުހަރު ރަޝާދުގެ ނަންބަރަށް ފޮނުވި މެސެޖަށް އަޒުހަރު ރަޝާދު ޖަވާބުދީފައި ނުވެއެވެ.
(ށ)ގޮޅީގައި ބަންދުގައި ހުރި މީހަކަށް ސިނގިރޭޓެއް ދިނުން ފިޔަވައި އަޒުހަރު ރަޝާދު ގަވާއިދާ ޚިލާފަށް އެއްވެސް އެއްޗެއް ބަންދުގައި ހުރި މީހަކަށް ރައްދުކުރަން އުޅުނު ކަމަށް އެއްވެސް ހެއްކަކު ހެކިބަސް ދީފައި ނެތެވެ.
މަތީގައި މި ފާހަގަކުރި ކަންކަން ބަލައި ވަޒަންކުރާއިރު ކަންހިނގާފައިވާ ހަގީގަތްކަމަށް ބޮޑަށް ގަބޫލުކުރެވެނީ އަޒުހަރު ރަޝާދު ޝާމިލުވެގެން ޖަލުގެ ގޮޅިއެއްގައި ބަންދުކޮށްފައި ހުރި މީހަކަށް ގަވާއިދާ ޚިލާފަށް އެއްޗެއް ރައްދުކުރަން މަސައްކަތްކޮށްފައިވާ ކަމެވެ. ގޮޅިން ފެނުނު ފޯނުން މުއާމަލާތުކުރި މީހާ އާއި 7640744 ފޯނުން މުއާމަލާތުކުރި ފަރާތުގެ ދެމެދުގައި ބަދަލުކޮށްފައިވާ މެސެޖުތަކުގެ ތަފްސީލުތަކުން ބޮޑަށް ގަބޫލުކުރެވެނީ އެ މެސެޖުތަކުގައި އަޒުހަރު ރަޝާދުއާ ހަވާލާދީ ދައްކާފައިވާ ވާހަކަތައް އެ ދެފަރާތުން ދައްކާފައިވަނީ އަޒުހަރު ރަޝާދު އެކަމުގައި ޝާމިލުވާތީ ކަމުގައެވެ. އެ ދެފަރާތުގެ ދެމެދުގައި އެ ވާހަކަތައް ދެކެވިފައިވާ ހާލަތަށް ބަލާއިރު އެ ހާލަތުގައި އަޒުހަރު ރަޝާދުއަށް އެފަރާތްތަކުން އެ މެސެޖުތަކުގައި ހަވާލާދީ މެސެޖުކޮށް ހަދާފައިފައިވަނީ އަޒުހަރު ރަޝާދުއާ ގުޅުމެއް ނެތި އަޒުހަރު ރަޝާދުއަށް ނޭނގި ކަމަށް ގަބޫލުކުރަން އުނދަގުލެވެ. 7640744 ނަންބަރު ފޯނާއި އަޒުހަރު ރަޝާދުގެ ނަންބަރު 7574207 ފޯނާ ދެމެދު އެކަކު އަނެކަކަށް އެ ތަކެއް ދުވަސް މަތީން ގުޅާފައިވާ ކަމަށް ޓެލެކޮމިއުނިކޭޝަން އޮތޯރިޓީގެ ކޯލް ރެކޯޑުތަކުން ފެންނާތީ، 7640744 ފޯނު ގެންގުޅޭ ފަރާތަކީ އަޒުހަރު ރަޝާދު ދަންނަ އަދި މުއާމަލާތް ކުރަމުން ދިޔަ މީހެއްކަން އެކަން އެނގޭތީ، މި މައްސަލައިގައި ތުހުމަތުކުރެވޭ އަމަލުކަމުގައިވާ ޖަލުގެ ގޮޅިއެއްގައި ބަންދުކޮށްފައިވާ މީހަކަށް ރައްދުކުރުމަށް ގަވާއިދާ ޚިލާފަށް ޖަލަށް އެއްޗެއް ވެއްދުމުގައި އަޒުހަރު ރަޝާދު ބައިވެރި ނުވާކަމަށް ވުރެ ބޮޑަށް ގަބޫލުކުރެވެނީ އެ މެސެޖުތަކުގައި ހަވާލާ ދީފައިވާ ތަކެތި ގޮޅީގެ ފާޚާނާގެ ފްލަޝް ޓޭންކަށް ލާފައިވަނީ އަޒުހަރު ރަޝާދު ބައިވެރިވެގެން ނުވަތަ އޭނާގެ ދައުރެއް އޮވެގެން ކަމަށެވެ.
މަތީގައި ބަޔާންކުރި ކަންކަން އެހެން ހުރުމުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އަޒުހަރު ރަޝާދު ވަކިކުރުމަށްޓަކައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމުމަށްޓަކައި، އަޒުހަރު ރަޝާދުގެ މައްޗަށް ތުހުމަތު ކުރެވުނު އަމަލު އެ ބޯޑަށް ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެކި އެ ބޯޑުގެ ކުރިމަތީގައި އެ ވަގުތު ހުރިކަން އެނގެން އޮތުމުންނާއި، އަޒުހަރު ރަޝާދު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން މަސައްކަތްކޮށްފައިވާ ކަމަށް ގަބޫލުކުރެވެއެވެ. އަދި އަޒުހަރު ރަޝާދުގެ މައްޗަށް ތުހުމަތުކުރެވުނު އަމަލަކީ، އެ އަމަލުގެ ސަބަބުން، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީއިން ފާހަގަކޮށްފައިވެއެވެ. ވީމާ، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އަޒުހަރު ރަޝާދު ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައިވާ ކަމަށް ގަބޫލުކުރެވެއެވެ.
އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ބެލުން
ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވެފައި އޮތުން ލާޒިމުވެގެންވެއެވެ. ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވާ ކަމަށް ބެލެވޭނީ އެންމެ ކުޑަމިނުން، އެ ފުލުހަކު ވަކިކުރުމުގެ ކުރިން ގާނޫނާއި ނުވަތަ ގަވާއިދާއި ނުވަތަ ކޯޑް އޮފް ކޮންޑަކްޓާއި ނުވަތަ ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތަކާއި ނުވަތަ އުސޫލަކާއި ޚިލާފުވެއްޖެ ކަމަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ތަފްސީލާއެކު) އެ ފުލުހަކަށް އެންގުމަށްފަހު، އެކަންކަމާމެދު ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ މައްސަލަތައް ބަލާ ބޯޑުން ނުވަތަ ކޮމިޓީއިން އެފުލުހަކަށް އެ ބޯޑުގެ ނުވަތަ ކޮމިޓީގެ ކުރިމައްޗަށް ހާޒިރުވެ އެ ތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާ ނަމައެވެ. މީގެ އިތުރުން އެ ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ނުވަތަ އެނޫންވެސް ތައުދީބީ ފިޔަވަޅެއް އަޅަން ބޯޑުން ނުވަތަ ކޮމިޓީއިން ނިންމައިފިނަމަ، ބޯޑުން ނުވަތަ ކޮމިޓީއިން ނިންމި ނިންމުން ލިޔުމަކުން އެ ފުލުހަކަށް ރައްދުކުރަންވާނެ އެވެ. ބޯޑުން ނުވަތަ ކޮމިޓީއިން ނިންމާ ނިންމުމުގައި ބޯޑުގެ ނުވަތަ ކޮމިޓީގެ ނިންމުން ބިނާކުރި ސަބަބުތައް އޮޅުން ފިލާނޭ ގޮތަކަށް ބަޔާންކުރަންވާނެއެވެ. އެ ނިންމުން ހަވާލުކުރަން ބަލާއިރު އެ މީހަކު ވީތަނެއް ނޭނގޭނަމަ ނުވަތަ އެ ލިޔުމާއި ހަވާލުވާން އިއުތިރާޒުކުރާނަމަ އެމީހަކު އުޅޭ އެޑްރެސްކަމަށް އެންމެފަހުން މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ދީފައިވާ އެޑްރެހަށް ޕޯސްޓުން އެ ލިޔުމެއް ފޮނުވުމުން ފުދޭނެއެވެ.
މި މައްސަލައިގައި ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ދެ ފަރާތުން ދައްކާފައިވާ ވާހަކަތަކާއި ހުށަހެޅިފައިވާ ލިޔެކިޔުންތަކަށް ބެލުމުން އެނގެނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް އަޒުހަރު ރަޝާދު ހާޒިރުކޮށްފައި ނެތްކަމާއި، އެހެންކަމުން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަން ބޯޑުން އޭނާއަށް ހާމަކޮށްފައިނުވާ ކަމާއި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކަންކަމަށް ޖަވާބު ދިނުމުގެ ފުރުސަތު ދީފައި ނެތް ކަމެވެ. އަދި ޑިސިޕްލިނަރީ ބޯޑުން މައްސަލަ ނިންމުމަށްފަހު ވަޒީފާއިން ވަކިކުރިކަން އޭނާއަށް އަންގާފައިވަނީ އަނގަބަހުން ކަމާއި އެހެންކަމުން އެ ނިންމުމަށް ރުޖޫއަވީ ސަބަބުތައް އޭނާއަށް އެނގިފައިވަނީ ޑިސިޕލްނަރީ ބޯޑުން ނިންމި ނިންމުން ތައުނުކުރުމުގެ ގޮތުން އަޒުހަރު ރަޝާދު އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގައި ބުނެފައިވަނީ އަޒުހަރު ރަޝާދު ވަޒީފާއިން ވަކިކުރުމަށް ނިންމި ނިންމުމުގެ ލިޔުން އޭނާއާ ހަވާލުކުރެވިފައިނުވަނީ އެ ލިޔުމާ ހަވާލުވުމަށް އޭނާ އިއުތިރާޒުކޮށް އެ ލިޔުމާ ހަވާލުވާން ނައުމުން ކަމަށެވެ. ނަމަވެސް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވާ މި ބުނުން ސާބިތުވާ ހެއްކެއް އިސްތިއުނާފުކުރާ ފަރާތުން ޝަރީއަތަށް ހުށަހަޅާފައި ނެތެވެ.
އެހެންކަމުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އިސްތިއުނާފު ރައްދުވާ ފަރާތުގެ މައްޗަށް ތުހުމަތުކުރި ކަންތައްތަކާމެދު އިސްތިއުނާފު ރައްދުވާ ފަރާތް ޑިސިޕްލިނަރީ ބޯޑުގެ ކުރިމައްޗަށް ހާޒިރުނުކޮށް، އަދި އޭނާގެ ދިފާއުގައި ވާހަކަ ދައްކައި ޖަވާބުދާރީ ވުމުގެ ފުރުސަތު ނުދީކަން ސާބިތުވާން އޮތުމުން، މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން މޯލްޑިވްސް ޕޮލިސް ސަރވިސްއިން ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނެތެވެ.
ހައްލުތައް
ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައި ނެތްނަމަ، އެ މީހަކު ކުރިން ހުރި ވަޒީފާއަށް ރުޖޫއަ ނުކުރެވޭނެއެވެ. އެ ހާލަތުގައި ވަކިކުރެވުނު މުވައްޒަފަށް ނަގައިދެވޭނީ ހަމައެކަނި ބަދަލެކެވެ. މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލު ވާންވާނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށް ހޭދަވާނޭ ކަމަށް ބެލެވޭ މުއްދަތަށް ރިއާޔަތް ކޮށް ނަގައިދެވޭ އަދުލުވެރި ބަދަލެއް ކަމަށެވެ.
ވަޒީފާދޭ ފަރާތުން މައުޟޫޢީ އަދުލުވެރިކަން ގާއިމުކުރުމާ ޚިލާފުވުމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމާ ޚިލާފުވުމުގައި އުސޫލީގޮތުން ތަފާތުތަކެއް ހުރީތީވެ، މި ދެ ޚިލާފާ ގުޅިގެން މުވައްޒަފަށް ލިބޭނެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ގެންގުޅެންވާނެ ކަމަށް ފެންނަނީ ތަފާތު ދެ މިންގަނޑެކެވެ. މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލުގެ އަދަދު، މައްސަލަތަކުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި ނުވާ ހާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ އަދަދަށްވުރެ ކުޑަވާންޖެހޭނެއެވެ.
މުވައްޒަފެއްގެ އަމަލުތައް ހުރީ ކޮންމެ ސިފައެއްގައި ކަމަށް ވަޒީފާދޭ ފަރާތަށް ފެނުނު ނަމަވެސް، އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރުމުގެ ކުރިން ވަޒީފާދޭ ފަރާތުން ފުރިހަމަކުރަންޖެހޭ ލާޒިމް އިޖުރާއަތު ފުރިހަމަ ނުކުރުމަކީ ވަޒީފާދޭ ފަރާތަށް އެކަން ނުކޮށް ދޫކޮށްލުމުގެ ނުވަތަ އެކަމަށް އިންކާރުކުރުމުގެ އިޚްތިޔާރު ލިބިގެންވާ ކަމެއް ނޫނެވެ. އެހެންކަމުން، ވަޒީފާދޭ ފަރާތުން ފުރިހަމަކުރުމަށް ގާނޫނުން ލާޒިމްކުރާ އިޖުރާއަތު ފުރިހަމަކޮށްފައި ނުވާނަމަ އެ ޚިލާފުވުމަށް ބަދަލު ނަގައިދިނުން ލާޒިމުވެއެވެ. ނަމަވެސް މަތީގައި ބަޔާންކުރި ފަދައިން އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލުގެ އަދަދު، މައްސަލަތަކުގައި މައުޟޫޢީ އަދުލުވެރިކަން ގާއިމުވެފައި ނުވާ ހާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ އަދަދަށްވުރެ ކުޑަވާންޖެހޭނެއެވެ. އަދި މި ބަދަލަކީ ވަޒީފާދޭ ފަރާތުގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމުކުރާ އިޖުރާއީ އިންސާފު ގާއިމުކޮށްފައި ނުވާތީ ހަމައެކަނި އަދަބެއްގެ ސިފައިގައި ރަމްޒީގޮތުން ނަގައިދެވޭ ބަދަލެކެވެ.
މި ގޮތުން ޝަރީއަތުގެ ކުރިމަތީގައި މިހާރު މިއޮތް މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައިވީ ނަމަވެސް، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާތީ، އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން މި މައްސަލައިގައި ނަގައިދޭން ފެންނަ މިންވަރަކީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރެވުނު އިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 2 މަސްދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެއް ކަމަށް ގަބޫލުކުރެވެއެވެ. ބަދަލުގެ މިންވަރަކީ ދެ މަސްދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެއްކަމަށް ކަނޑައަޅާފައިމިވާ ސަބަބަކީ 2 މަސްދުވަހުގެ މުއްދަތަކީ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމުގެ މަސައްކަތްކުރުމަށް ހޭދަވާނޭ ކަމަށްބެލެވޭ އެކަށީގެންވާ މުއްދަތެއް ކަމަށް ފެންނާތީ އެ މުއްދަތަށް ނިސްބަތްކޮށްފައެވެ.
މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/150 ގަޒިއްޔާ އާއި އެ ގަޒިއްޔާގައި ތާއީދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 983/Cv-C/2012 ގަޒިއްޔާގައި ހުށަހެޅުނު ހެކިތައް އެ ދެކޯޓުން ވަޒަންކޮށްފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަންކުރަންޖެހޭ އުސޫލުން ކަމަށް ނުފެންނާތީ ހައިކޯޓުގެ ނަންބަރު2014/HC-A/150 ގަޒިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 983/Cv-C/2012 ގަޒިއްޔާގެ ހުކުމް ބާތިލުކުރަންޖެހޭ ކަމަށް ދެކެމެވެ. އަދި، މިގޮތަށް، މި މައްސަލަ ނިމުމުން އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފު ކުރަން ހުށަހެޅި ދެވަނަ ނުކުތާއާ މެދު ގޮތެއް ކަނޑައަޅަން ނުޖެހެއެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން:
ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/150 ގަޒިއްޔާ އާއި އެ ގަޒިއްޔާގައި ތާއީދުކޮށްފައިވާ ސިވިލް ކޯޓުގެ ނަންބަރު 983/Cv-C/2012 ގަޒިއްޔާގައި ހުށަހެޅުނު ހެކިތައް އެ ދެ ކޯޓުން ވަޒަންކޮށްފައިވަނީ މިބާވަތުގެ މައްސަލަތަކުގައި ހެކި ވަޒަންކުރަންޖެހޭ އުސޫލުން ކަމަށް ނުވާތީވެ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/150 ގަޒިއްޔާ އާއި ސިވިލް ކޯޓުގެ ނަންބަރު 983/Cv-C/2012 ގަޒިއްޔާގެ ހުކުމް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ބާތިލުކުރީމެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އިސްތިއުނާފު ރައްދުވާ އަޒުހަރު ރަޝާދު ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައިވާ ކަމަށާއި، އެހެންނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން އިސްތިއުނާފު ރައްދުވާ އަޒުހަރު ރަޝާދު ވަކިކުރުމުގައި ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައި ނެތް ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައެޅީމެވެ.
މި މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައިވީ ނަމަވެސް، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާތީ، އިސްތިއުނާފުކުރާ ފަރާތުން އަޒުހަރު ރަޝާދުއަށް އޭނާ ވަޒީފާއިން ވަކިކުރި އިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 2 މަސްދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެއް، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ދިނުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި ހުކުމްކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދުޙުސްނުއްސުޢޫދުމަޙާޒު ޢަލީ ޒާހިރު(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.