މުޙައްމަދު ފަޔާޟް ވ. އެޓަރނީ ޖެނެރަލްގެ އޮފީސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- ސިވިލް ކޯޓުން ފަޔާޟްގެ ފަރާތުން ޙުކުމްކޮށް، ޤާނޫނާ ޚިލާފު ޢަމަލެއް ސާބިތުވާ ހެއްކެއް ނެތްކަމަށް ނިންމިއެވެ. ހައިކޯޓުން ސިވިލް ކޯޓުގެ ޙުކުމް ބާޠިލުކޮށް، ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ރަނގަޅުކަމަށް ނިންމިއެވެ.
- ވާޤިޢާ
- ޕޮލިސް ކޯޕްރަލް މުޙައްމަދު ފަޔާޟް 2010 އޮގަސްޓް 06 ގެ ފަތިހު މާލޭގައި އަންހެން މީހެއް ފުލުހުންގެ ކާރަކަށް އަރުވައިގެން ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގި ހާދިސާގައި ބައިވެރިވެފައިވާކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލުކުރެވި، ފުލުހުންގެ ވަޒީފާއިން ވަކިކުރެވުނެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި ބަލަންޖެހޭ ޤާނޫނާއި ސާބިތުކުރުމުގެ މިންގަނޑަކީ ކޮބައިތޯ، އަދި އެ ބޯޑަށް ލިބުނު ހެކިތަކުން ވަކިކުރުމަށް އެކަށީގެންވާތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ފަޔާޟް ބުނީ ޤާނޫނު ބުނާ މިންވަރަށް އޭނާއާ ދެކޮޅަށް ހެކި ނެތްކަމާއި، ޖިނާއީ މައްސަލަ ފައިލްކުރެވި، އެ ހާދިސާގެ އެހެން ތިން މީހުންގެ މައްސަލަ ސިވިލް ކޯޓުން ނިންމި ގޮތަށް ހައިކޯޓުން ތާއީދުކުރެވުނު ކަމަށެވެ. ދައުލަތުން ބުނީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަކިކުރެވުނުކަމާއި، ހެކިތަކަކީ މަދަނީ މިންގަނޑުން ސާބިތުކުރުމަށް ކާފީ ހެކިކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- ފުލުހެއްގެ ވަޒީފާއިން ވަކިކުރުމުގައި ވަޒީފާއާބެހޭ ޤާނޫނުގެ ޢާންމު މިންގަނޑު ނުހިނގާ، ބެލެންސް އޮފް ޕްރޮބަބިލިޓީގެ ލުއި މިންގަނޑު ބޭނުންކުރެވޭނެއެވެ. ކާރު ފަޔާޟްގެ ބެލުމުގެ ދަށުގައި އޮތުމާއި، ފޯނު ކޯލްތަކާއި ހެކިން ބުނި ގޮތްތަކުން ޝައްކު އުފެދުމާއި، ތަޙްޤީޤަށް އޮޅުވާލަން މަސައްކަތްކުރުމުން ބޮޑަށް ޤަބޫލުކުރެވޭ މިންވަރަށް ހެކި ލިބިފައިވެއެވެ. އެހެން ތިން މީހުންނާމެދު ނިންމުމަކީ ފަޔާޟްގެ މައްސަލައިގައި ހުއްޖަތެއް ނޫނެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 2014/HC-A/142
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް؛ ފުލުހުންގެ ވަޒީފާއިން ވަކިކުރުން ޤާނޫނާ އެއްގޮތް
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ފުލުހުންގެ ވަޒީފާއާބެހޭ އެންމެހައި ކަންކަމަކީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ފަދައިން އެ ޤާނޫނުން އިސްތިސްނާވެފައިވާ ކަންތައްތަކެކެވެ. (ޕެރ. 13)
ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއަކީ ޤާނޫނު ނަންބަރު 05/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުން ޤާނޫނީ ބާރު ލިބިފައިވާ ކޯޑުތަކެއް ކަމާއި، ފުލުހުންގެ އެއްވެސް ރޭންކެއް އިސްތިސްނާ ކުރުމެއްނެތި ހުރިހާ ފުލުހުން ތަބާވާންޖެހޭ ކޯޑުތަކެކެވެ. (ޕެރ. 14)
މަޤާމުގެ ޒިންމާ އަދާކުރުމުގައްޔާއި އަމިއްލަ ދިރިއުޅުމުގައި އަބަދުވެސް ތެދުވެރިކަންމަތީ ހުރުމާއި، އަދަބާއި ސުލޫކާއި އަޚްލާޤުގެ އެންމެ މަތީ ހަމަތަކުގައި ހިފެހެއްޓުމަކީ ފުލުހުންގެ ކޯޑް އޮފް އެތިކްސް ކޮންމެ ފުލުހަކަށް ލާޒިމް ކުރާ ކަންކަމެވެ. (ޕެރ. 16)
ފުލުހަކު ވަޒީފާއިން ވަކިކުރާ ޙާލަތެއްގެ މައްޗަށް ހިނގާނީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ޢާންމު ހަމަތަކާއި މިންގަނޑުތަކެއް ނޫނެވެ. (ޕެރ. 19)
ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަން ނުވަތަ ނޫންކަން ބެލުމުގައި ރިޢާޔަތްކުރާނޭ ސާބިތު ކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ރިޢާޔަތްކުރާ ސާބިތު ކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެއެވެ. (ޕެރ. 19)
ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ފުލުހަކު ޤާނޫނާ ނުވަތަ ޤަވާޢިދާ ޚިލާފު ކަމެއް ކޮށްފިކަން ތަޙްޤީޤަށް ސާބިތުވާ ކަމަށް ބަލަންޖެހޭނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކަންކަން ސާބިތު ކުރުމަށް ޝަރީޢަތާއި ޤާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ކަމެއް ސާބިތުވުމުންނެވެ. (ޕެރ. 20-1)
ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ކުރާ ތަޙްޤީޤުގައި ބަލަންޖެހޭ މައިގަނޑު އަސާސްތަކަކީ ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަޙްޤީޤުގައި ހޯދަން ބޭނުންވާ ކަންކަމާ ގުޅޭ ހެކިތައް ހޯދައި އެ ހެކިތައް ޖަމާކޮށް އޭގެ ފަހުން އެ ހެކިތަކަކީ އެ ތަޙްޤީޤެއްގައި ތުހުމަތު ކުރެވުނު ފަރާތާމެދު ޖިނާއީ ގޮތުން ނުވަތަ ތައުދީބީ ގޮތުން ނަމަވެސް ފިޔަވަޅެއް އެޅުމަށް އެކަށޭނެ ކާފީ ހެކި ހުރިތޯ ވަޒަން ކުރުމެވެ. (ޕެރ. 20-2)
ފުލުހަކާމެދު ފިޔަވަޅު އެޅުމަށް އެކަށޭނެ ހެކި ހުރިކަން ނުވަތަ ނެތްކަން ވަޒަން ކުރާނީ ބެލެންސް އޮފް ޕްރޮބަބިލިޓީގެ މިންގަނޑުންނެވެ. (ޕެރ. 20-3)
ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ ދަށުން ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެ ނަމަ، ފުރަތަމަ ކޯޓުން ބަލަންވާނީ އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނެ ހެއްކެއް ބޯޑުގެ ކުރިމަތީގައި އެ ވަގުތު އޮތްކަން ނުވަތަ ނޫންކަމަށެވެ. (ޕެރ. 20-4)
ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ ދަށުން ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެ ނަމަ، ދެވަނަ ކަމަކަށް ބަލަންވާނީ، ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ގަބޫލު ކުރެވުނު ސަބަބުތަކުގެ ޙަޤީޤަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަޙްޤީޤެއް ކޮށްފައިވާކަން ނުވަތަ ނޫންކަމަށެވެ. (ޕެރ. 20-4)
ފުލުހުންގެ މައިގަނޑު ވާޖިބާއި މަސްއޫލިއްޔަތާ ފުށުއަރާ ޢަމަލެއް ކަމުގައިވާނަމަ، އެ ޢަމަލަކީ އޭގެ ޒާތުގައި ފުލުހުންގެ މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ބެލެވިދާނެއެވެ. (ޕެރ. 21)
އެއް ހާދިސާއެއްގައި އެއް ތުހުމަތެއް ނުވަތަ ވަކިވަކި ހާދިސާތަކެއްގައި ވަކިވަކި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެއިން ކޮންމެ މައްސަލައެއްގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭ ހެކިތައް ވަޒަން ކުރުމުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކާ ދެކޮޅަށް ހުރި ހެކިތަކަކީ ކޮބައިކަން ދެނެގަނެ އެ ހެކިތަކަށް ދެވޭނެ ބުރަދަން ވަޒަން ކުރުމަކީ ކުރަންޖެހޭނެ ކަމެކެވެ. (ޕެރ. 37)
އެއް ހާދިސާއަކާ ގުޅިގެން ތުހުމަތު ކުރެވޭ އެކަކަށްވުރެ ގިނަ މީހުންގެ ތެރެއިން ވަކި މީހެއް ނުވަތަ ވަކި ބަޔަކާމެދު ޝަރީޢަތުން ވަކި ގޮތެއް ނިންމުމަކީ އެ ނޫން މީހުންނާމެދު ޤާނޫނާ ޚިލާފަށް ނިންމުމެއް ނިންމާފައިވާ ކަމަށް ބެލެވޭނެ ހުއްޖަތެއް ނޫނެވެ. (ޕެރ. 37)
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ޤާނޫނު ނަންބަރު 05/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ 02، 04 އާއި 07 ވަނަ ނަންބަރު
- ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) އާއި (ށ)
- ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރު
- ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ)
- ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) އާއި 52 ވަނަ މާއްދާ (އިސްތިއުނާފުކުރި ފަރާތުގެ ވަކީލު ބުނި)
ފަނޑިޔާރުން
- ބެންޗު
- މަޙާޒު ޢަލީ ޒާހިރު، ޢާއިޝާ ޝުޖޫން މުޙައްމަދު، ޙުސްނުއްސުޢޫދު
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރުގެ ރައުޔު (ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދު އަދި ފަނޑިޔާރު ޙުސްނުއްސުޢޫދު ތާއީދު ކުރައްވާފައި)
ތަޢާރުފު
1މުޙައްމަދު ފަޔާޟް، މޯލްޑިވްސް ޕޮލިސް ސަރވިސްގައި ޕޮލިސް ކޯޕްރަލްއެއްގެ މަޤާމުގައި ހުއްޓާ، މުޙައްމަދު ފަޔާޟް އަދާކުރަމުންދިޔަ ވަޒީފާއިން 09 ސެޕްޓެމްބަރ 2010 ގައި ވަކިކޮށްފައިވެއެވެ. މި ގޮތަށް ވަޒީފާއިން ވަކިކޮށްފައިވަނީ 2010 އޮގަސްޓް 06 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި (ނަން އުނިކޮށްފައި އަދި މީގެ ފަހުން އަނިޔާ ލިބުނު އަންހެން މީހާ) މާލޭ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ، ހަތަރު މީހަކު ބައިވެރިވެގެން ގަދަކަމުން ފުލުހުންގެ ރަޖިސްޓްރީ ނަންބަރު S5241 AA0B ކާރަށް އަރުވައިގެން ގެންގޮސް އަނިޔާ ލިބުނު އަންހެން މީހާއާ ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގި ހާދިސާގައި މުޙައްމަދު ފަޔާޟް ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ޤަބޫލު ކުރެވިގެންނެވެ.
2މި ހާދިސާއާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މުޙައްމަދު ފަޔާޟަށް ދޫކޮށްފައިވާ "ވަޒީފާއިން ވަކިކުރިކަން އަންގާ ލިޔުން" ގައިވާ ވަޒީފާއިން ވަކިކުރި ސަބަބަށް ބަލާއިރު، މުޙައްމަދު ފަޔާޟް ވަޒީފާއިން ވަކިކޮށްފައިވަނީ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި، އަދި ކޯޑް އޮފް އެތިކްސްއާ ޚިލާފު ވެފައިވާ ކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލު ކުރެވޭތީ، ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރާ ޙަވާލާދީ، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށެވެ.
ޑިސިޕްލިނަރީ ބޯޑުން މައްސަލަ ނިންމި ގޮތް
3މުޙައްމަދު ފަޔާޟްގެ މައްޗަށް ތުހުމަތުކުރެވޭ ހާދިސާގައި އޭނާ ބައިވެރިވެފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވަނީ އަންނަނިވި ހެކިތައް އެ ގޮތަށް ހުރުމުން ކަމަށް ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުން އެނގެއެވެ.
3-1 މުޙައްމަދު ފަޔާޟްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަށް ބަލާއިރު މާސްކް އަޅައިގެން ތިބި ބަޔަކު 2010 އޮގަސްޓް 06 ވަނަ ދުވަހުގެ ފަތިހު އަނިޔާ ލިބުނު އަންހެން މީހާ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ އޭނާ ގަދަކަމުން ފުލުހުންގެ ރަޖިސްޓްރީ ނަންބަރު S5241 AA0B ކާރަށް އަރުވައި އޭނާ އޮރިޔާންކޮށް ހަދާފައިވާކަން.
3-2 ތަޙްޤީޤުން ހޯދާފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތްކުރާއިރު، މި ޢަމަލު ހިންގާފައިވަނީ ފުލުހުންގެ ރަޖިސްޓްރީ ނަންބަރު S5241 AA0B ކާރުގައިކަން އެނގެން އޮތުން.
3-3 މުޙައްމަދު ފަޔާޟް ފުލުހުންގެ ރަޖިސްޓްރީ ނަންބަރު S5241 AA0B ކާރު އިސްކަންދަރު 02 ނަންބަރު ކޮށީގައި ހާދިސާ ހިނގި ރޭ 05:00 އާއި 05:25 އާ ދެމެދުގެ ވަގުތެއްގައި ޕާކުކުރި މަންޒަރު ފުލުހަކަށް ފެނިފައިވުން.
3-4 ފުލުހުންގެ ރަޖިސްޓްރީ ނަންބަރު S5241 AA0B ކާރަކީ މުޙައްމަދު ފަޔާޟްއާ ހަވާލު ކޮށްފައިވާ ކާރެއްކަމަށް ލޮޖިސްޓިކަލް ސަރވިސް ޑިޕާޓްމަންޓުންނާއި، ސްޕެޝަލް އޮޕަރޭޝަންސްގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ރިޝީފް ޠާހާ ބުނާކަން.
އިސްތިއުނާފު ކުރެވޭ މައްސަލަ ސިވިލް ކޯޓުން ނިންމި ގޮތް
4ފުލުހުންގެ ވަޒީފާއިން ވަކިކުރި ކުރުމާމެދު ހިތްހަމަ ނުޖެހިގެން މުޙައްމަދު ފަޔާޟް އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އެ މައްސަލަ ސިވިލް ކޯޓުން ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 1523/Cv-C/2010 ޤަޟިއްޔާއިންނެވެ.
5ސިވިލް ކޯޓުން މައްސަލަ ބަލައި ނިންމާފައިވަނީ މުޙައްމަދު ފަޔާޟްއާ އެއްކޮޅަށެވެ. މި ގޮތަށް ނިންމުމުގައި މުޙައްމަދު ފަޔާޟް ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވި ކަމަށް ބެލެވުނު ކަމެއް ނެތްކަމާއި، މުޙައްމަދު ފަޔާޟް ޤާނޫނާއި ޤަވާޢިދާ ޚިލާފަށް ކުރި ޢަމަލެއް ސާބިތުވާފަދަ ހެއްކެއް ނެތްކަމަށް އެ ކޯޓުން ނިންމާފައިވެއެވެ.
އިސްތިއުނާފު ކުރެވޭ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމި ގޮތް
6ސިވިލް ކޯޓުގެ ނަންބަރު 1523/Cv-C/2010 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ ޚިލާފަށް ކަމުގައި ދެކިގެން ދައުލަތުގެ ފަރާތުން އެ މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. ދިވެހިރާއްޖޭގެ ހައިކޯޓުން އެ މައްސަލަ ބަލާފައިވަނީ އެ ކޯޓުގެ ނަންބަރު 2014/HC-A/142 ޤަޟިއްޔާއިންނެވެ.
7ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލުމަށްފަހު މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ނިންމާފައިވަނީ މުޙައްމަދު ފަޔާޟްއާ މެދު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށެވެ. މި ފަދައިން ނިންމުމުގައި އަންނަނިވި ކަންކަން ދިވެހިރާއްޖޭގެ ހައިކޯޓުން ފާހަގަ ކޮށްފައިވެއެވެ.
7-1 ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ވަޒީފާއިން ވަކިކުރާ ޙާލަތްތަކުގައި ބަލަންޖެހޭނީ މަދަނީ އަދި އިދާރީ ފިޔަވަޅެއް އެޅުމަށްޓަކައި ސާބިތުވާން އޮންނަ މިންގަނޑު ކަމަށްވާ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ ވަޒަން ކުރުމަށްފަހު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށް އެ ފިޔަވަޅު އެޅުންކަން.
7-2 ފުލުހުންގެ ވަޒީފާއަކީ ދައުލަތުގެ އެހެން ވަޒީފާތަކާ ޚިލާފަށް އެ މީހުން އަދާކުރަންޖެހޭ ޒިންމާތަކާއި ވާޖިބުތަކާއި އުފުލަންޖެހޭ މަސްއޫލިއްޔަތުތައް ތަފާތު ބައެއްކަން.
7-3 ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތަށް ފުލުހެއްގެ މައްޗަށް ކުރެވޭ ޖިނާއީ ކުށެއްގެ ޢަމަލު ތަޙްޤީޤަށް ސާބިތުކުރުމުގައި ގެންގުޅޭ މިންގަނޑަކީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާ ވަޒަންކުރުމަށްފަހު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށް ފިޔަވަޅު އެޅުންކަން.
7-4 މުޙައްމަދު ފަޔާޟްއާ ދެކޮޅަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނު ހެއްކާއި ޤަރީނާތަކުގެ މައްޗަށް ބެލުމުން މި މައްސަލައިގެ ތަޙްޤީޤުގައި ކަނޑައެޅިގެން އޮޅުވާލައި ދޮގު މަޢުލޫމާތު ދީފައިވާތީ، މި މައްސަލައިގެ ހާދިސާގައި މުޙައްމަދު ފަޔާޟް ބައިވެރިވެފައިވާ ކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލު ކުރެވިފައިވާކަން.
7-5 މުޙައްމަދު ފަޔާޟާ ދެކޮޅަށް ހުރި ހެއްކާއި ޤަރީނާއަށް ބަލައި ސިވިލް ކޯޓުގެ ނަންބަރު 1523/Cv-C/2010 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭކަން.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާ ނުކުތާތަކާއި، އެ ނުކުތާތަކަށް ދީފައިވާ ރައްދު
8ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/142 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ މުޙައްމަދު ފަޔާޟްގެ ފަރާތުން އަންނަނިވި ސަބަބުތައް ފާހަގަކޮށް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ.
8-1 ފުރަތަމަ ސަބަބަކީ، ވަޒީފާއާބެހޭ މައްސަލަތަކުގެ ތެރެއިން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅޭ މައްސަލަތަކުގައި މުވައްޒަފަކު ވަޒީފާއިން ވަކިކުރެވުނީ އެކަށީގެންވާ ސަބަބެއް އޮވެގެންކަން ސާބިތުކޮށް ދިނުމާއި ވަޒީފާއިން ވަކިކުރެވުނީ ކަނޑައެޅިފައިވާ އިޖުރާއަތުގެ ތެރެއިންކަން ސާބިތުކޮށް ދިނުމުގެ ބުރަ އުފުލަން ޖެހެނީ ވަޒީފާ ދިން ފަރާތުން ކަމަށް ވާއިރު، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އަށް ބެލުމުން މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފަކު ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ވަޒީފާއިން ވަކިކުރުމުގައި ދެ ކަމެއް ޝަރުތު ކޮށްފައިވާކަން ފާހަގަ ކުރެވޭ ކަމާއި، އޭގެ ތެރެއިން ފުރަތަމަ ކަމަކީ، މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފު ޢަމަލެއް ކޮށްފިކަމުގެ ތުހުމަތުގައި އެ މުއައްސަސާއިން ކުރާ ތަޙްޤީޤަށް ސާބިތުވުން ކަމާއި، ދެވަނަ ކަމަކީ، ތަޙްޤީޤަށް އެ ސާބިތުވި ކަމެއްގެ މައްޗަށް ބިނާކޮށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީ އަށް ހުށަހެޅުމުން އެ ކޮމިޓީން ނުވަތަ ބޯޑުން އެ މުވައްޒަފެއްގެ މައްސަލަ ބެލުމަށްފަހު އެ މުވައްޒަފަކު ވަޒީފާއިން ވަކިކުރަން ހުށަހެޅުން ކަމާއި، މި ކަންކަން އެނގެން އޮތް އިރު މިފަދަ އެއްވެސް ކަމެއް ސާބިތު ވުމެއްނެތި ވަޒީފާއިން ވަކިކޮށްފައިވާކަން ޝަރީޢަތަށް ސާފުކޮށް އެނގެން އޮއްވައި ސިވިލް ކޯޓުން ކުރި ޙުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ބާޠިލުކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
8-2 ދެވަނަ ސަބަބަކީ، ޖިނާއީ ކުށެއްގެ ތުހުމަތުގައި މީހަކު ވަޒީފާއިން ވަކިކުރާ ޙާލަތްތަކުގައި ބަލަން ޖެހޭނީ ހުށަހެޅިފައިވާ ހެއްކާއި ޤަރީނާތައް ވަޒަން ކުރުމަށްފަހު ބޮޑަށް ބުރަވެވޭ ގޮތެއްގެ މައްޗަށް ބިނާކޮށް އެ ފިޔަވަޅެއް އެޅުމަށް ކަމާއި، ސިވިލް ކޯޓުން މައްސަލަ ބަލައި ނިންމުމުގައިވެސް ރިޢާޔަތް ކޮށްފައިވަނީ މި އުޞޫލުގެ މައްޗަށްކަން މި މައްސަލަ ނިންމުމުގައި ސިވިލް ކޯޓުން ފާހަގަ ކޮށްފައިވާ ނުކުތާތަކަށް ބެލުމުން އެނގެން އޮންނަ ކަމާއި، މި ގޮތުން ބަލާއިރު މުޙައްމަދު ފަޔާޟްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކީ، 2010 އޮގަސްޓް 06 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި އަނިޔާ ލިބުނު އަންހެން މީހާ، މާލޭ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ ހަތަރު މީހަކު ބައިވެރިވެގެން ގަދަކަމުން ފުލުހުންގެ ރަޖިސްޓްރީ ނަންބަރު AA0B S5241 ކާރަށް އަރުވައިގެން ގެންގޮސްއެ އަންހެންމީހާއާ ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވުނު މައްސަލަ ކަމުގައިވާއިރު، މި މައްސަލައާ ގުޅިގެން މުޙައްމަދު ފަޔާޟް އަދާކުރަމުން ދިޔަ ވަޒީފާއިން އޭނާ ވަކިކުރުމުގެ ކުރިން ބަލަންޖެހޭނީ މުޙައްމަދު ފަޔާޟްގެ މައްޗަށް ތުހުމަތު ކުރެވުނު އެ ޢަމަލު އޭނާ ކުރި ކަމަށް ބާރު ލިއްބައިދޭ ހެކި ޤަރީނާއަކީ ކޮބައިތޯ އާއި، އަދި ހުށަހެޅުނު ހެކި ޤަރީނާތަކާ މުޙައްމަދު ފަޔާޟްއާ ހުރި ގުޅުންތަކަށް ދެވޭ ބުރަދަނީ ކޮބައިތޯ ކަމާއި މި އުޞޫލަކީ ދުނިޔޭގައި ކުރިއަރާފައިވާ ތަހުޒީބީ މުޖުތަމަޢުތަކުގައި ޝަރީޢަތް ކުރުމުގައިވެސް ގެންގުޅޭ ހަރުދަނާ އުޞޫލު ކަމުގައިވާއިރު، މިފަދަ އެއްވެސް ކަމެއް ބެލުމެއް ނެތި ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ސިވިލް ކޯޓުގެ ޙުކުމް ބާޠިލު ކޮށްފައިވާ ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
8-3 ތިންވަނަ ސަބަބަކީ، މި މައްސަލައަކީ އިދާރީ ގޮތުން އަޅާފައިވާ ފިޔަވަޅަކާ ގުޅޭ މައްސަލައެއް ކަމުގައި ވިޔަސް މައްސަލައިގެ އަޞްލު ފެށެނީ ޖިނާއީ މައްސަލައެއްގެ ގޮތުގައިކަން ހުށަހެޅިފައިވާ ލިޔެކިޔުމަށާއި ދެ ފަރާތުން ޝަރީޢަތުގައި ދައްކާފައިވާ ވާހަކަތަކުން ސާފުކޮށް އެނގެން އޮތްއިރު މި މައްސަލައިގެ ހުރިހާ ކަމަކާ ތަޙްޤީޤު ބިނާވެފައިވަނީ ޖިނާއީ ޢަދުލުގެ ނިޒާމުގެ އަސާސްތަކުގެ މައްޗަށް ކަމަށްވާއިރު މި މައްސަލައިގައި ކޮށްފައިވާ ތަޙްޤީޤުން ދަޢުވާ ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ލިބިފައިނުވާ ކަމަށް ބުނެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފައިލްކޮށްފައި ވުމާއި، ދަޢުވާ ނުކުރެވޭ މައްސަލައެއްގައި، ދަޢުވާ ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ލިބިފައިނެތް ކަމެއްގައި 04 މީހަކު ވަޒީފާއިން ވަކިކުރުމުން އޭގެ ތެރެއިން 03 މީހުންގެ މައްސަލަ ސިވިލް ކޯޓުން ނިންމި ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށް މައްސަލަ ނިންމުމަށްފަހު 04 ވަނަ މީހާ (މުޙައްމަދު ފަޔާޟް) ވަޒީފާއިން ވަކިކުރުމުގެ ފިޔަވަޅު އެޅިގޮތް ޞައްޙަ ކަމަށް ވިދާޅުވެ ސިވިލް ކޯޓުގެ ޙުކުމް ބާޠިލު ކުރައްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފަށް ކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
8-4 ހަތަރުވަނަ ސަބަބަކީ، މުޙައްމަދު ފަޔާޟްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައާ ގުޅިގެން އެކަން ސާބިތުވާ ކަމަށް ފުލުހުންގެ ފަރާތުން ޤަބޫލު ކޮށްފައިވާ ޙަޤީޤަތްތަކަށާއި އެކަން ސާބިތު ކުރުމަށް ދައުލަތުގެ ފަރާތުން ޝަރީޢަތުގައި ބަޔާންކުރި ހެކިތައް ތަޤްޔީމުކޮށް ވަޒަން ކުރުމުން ނިކުތް ނަތީޖާތަކަށް ބަލާއިރު އެ ޢަމަލެއް ކުރިކަމުގައި މުޙައްމަދު ފަޔާޟްގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލުކަމުގައިވާ މުޙައްމަދު ފަޔާޟްގެ ވެސް ބައިވެރިވުމާއެކު އަނިޔާ ލިބުނު އަންހެން މީހާއާ ގަދަކަމުން ބަދުއަޚުލާޤީ ޢަމަލު ހިންގިކަމުގެ މައްޗަށް ބުރަވެވޭނެ ހެއްކެއް އަދި ބަދީހީ ޤަރީނާއެއް ދައުލަތުގެ ފަރާތުން ހުށަހަޅާފައި އޮތްކަމަށް ނުބެލެވޭ އިރު މިގޮތުން މި މައްސަލައިގައި ޙަވާލާދެވޭ އަޞްލު އެ ޙާދިސާ އެގޮތުގައި ހިނގި ކަމަށް ސާބިތުވާނެ ފަދަ ޙުއްޖަތެއް ފެންނާން ނެތް ޙާލަތެއްގައި މި ޙާދިސާ ހިނގި ކަމަށް ބުނާ ތާރީޚުގައި ފުލުހުންގެ ރަޖިސްޓްރީ ނަންބަރު AA0B S5241 ކާރު މުޙައްމަދު ފަޔާޟްގެ ބެލުމުގެ ދަށުގައި އޮތް އޮތުމާއި ނުވަތަ މި ޙާދިސާގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވިފައި ތިބި ފަރާތްތަކާ މުޙައްމަދު ފަޔާޟް ފޯނުން މުޢާމަލާތްތަކެއް ކޮށްފައި އޮތް އޮތުމަކީ ފުލުހުންގެ ފަރާތުން ބަޔާންކުރާ ޙާދިސާ އެ ގޮތުގެމަތީން ހިނގި ކަމެއް ކަމަށް ބުރަވެވޭފަދަ ޤަރީނާއެއް ނުވަތަ އެކަން އެ ގޮތުގައި ހިނގި ކަމަށް ބުރަދަން ދެވޭފަދަ އެއްވެސް ހެއްކެއް ނުވަތަ ޤަރީނާ އެއްވިޔަސް މިހާތަނަށް ފެންނަން ނެތްކަމަށް ބުނެ ހުށަހެޅި ސަބަބެވެ.
9ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/142 ޤަޟިއްޔާ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ މުޙައްމަދު ފަޔާޟްގެ ފަރާތުން ފާހަގަކުރި ނުކުތާތަކަށް ރައްދު ދިނުމުގެ ގޮތުން ދައުލަތުގެ ފަރާތުން އަންނަނިވި ނުކުތާތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
9-1 ޤާނޫނު ނަންބަރު 05/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ ދަށުން ބާރުލިބިގެން ހަދާފައިވާ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އަކީ ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްގައި ބަޔާންކޮށްފައިވާ ކަންތައްތަކާ ޚިލާފު ޢަމަލެއް ފުލުހަކު ހިންގާ ޙާލަތުގައި، އެކަން ފުލުހުންގެ ތަޙްޤީޤަކަށް ސާބިތުވެއްޖެނަމަ، އެ ފަރާތެއް ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގެ ބާރު މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިދީފައިވާ މާއްދާއެއްކަން.
9-2 މުޙައްމަދު ފަޔާޟް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ، 2010 އޮގަސްޓް 06 ވަނަ ދުވަހުގެ ފަތިހު އަނިޔާ ލިބުނު އަންހެން މީހާ، މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ ގަދަކަމުން ފުލުހުންގެ ރަޖިސްޓްރީ ނަންބަރު AA0B S5241 ކާރަށް އަރުވައިގެން އޭނާއާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިގެން އެ މައްސަލަ މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙްޤީޤުކުރުމުން، އެ ޢަމަލު ހިންގުމުގައި މުޙައްމަދު ފަޔާޟް ބައިވެރިވި ކަމަށް ފުލުހުންގެ ތަޙްޤީޤަށް ސާބިތުވެގެން، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް މައްސަލަ ހުށަހެޅުމުން، މުޙައްމަދު ފަޔާޟްއާ މެދު ތުހުމަތު ކުރެވިފައިވާ މައްސަލައިގެ ތަޙްޤީޤުގައި ހޯދާފައިވާ އެންމެހައި ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކުރުމަށްފަހު، އަދި މުޙައްމަދު ފަޔާޟާއި އެ ޢަމަލުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނު އެހެން ފަރާތްތަކުން ޑިސިޕްލިނަރީ ބޯޑަށް ޖަވާބުދާރީވުމުގައި ދައްކާފައިވާ ވާހަކަތަކުން ފުށުއަރާ ގިނަ ކަންތައްތަކެއް ހުރިކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލު ކުރެވިފައިވާތީ އާއި، މުޙައްމަދު ފަޔާޟް، މައްސަލައިގެ ޙަޤީޤަތް އޮޅުވާލަން މަސައްކަތްކޮށްފައިވާ ކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެންނާތީ، މުޙައްމަދު ފަޔާޟް، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާ ކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެނުމުގެ އިތުރުން، މުޙައްމަދު ފަޔާޟް ފުލުހުންގެ ވަޒީފާގައި އިތުރަށް ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި މުޅި މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ފެނިގެން، ފުލުހުންގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާ ޙަވާލާދީ، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށްވާތީ، މުޙައްމަދު ފަޔާޟް ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ، ފުލުހުންގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/142 ޤަޟިއްޔާއިން ކަނޑައަޅުއްވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތަށް ކަމުގައާއި އެ ޙުކުމް ބާޠިލު ކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ ސަބަބެއް ނެތްކަން.
9-3 ޝަރީޢަތަށް ހުށަހެޅޭ ކޮންމެ މައްސަލައަކީވެސް އެ މައްސަލައަކާ ގުޅިގެން ހުށަހަޅާ ޤާނޫނީ ނުކުތާތަކަށާއި އަދި މައްސަލައިގައި ހިމެނޭ ވާޤިޢާ ތަކަށާއި އެ މައްސަލައިގައި ލިބިފައިވާ ހެއްކާއި ޤަރީނާއަށް ރިޢާޔަތް ކުރުމަށްފަހު ވަކިވަކިން ބެލޭ މައްސަލަތަކެއް ކަމާއި، އެއް ބާތެއްގެ މައްސަލަތަކާ ގުޅޭގޮތުން ހުށަހަޅާ ތަފާތު މައްސަލަތަކުގައިވެސް، އެ މައްސަލައިގައި ވަށައިގެންވާ ޙަޤީގަތްތަކާއި ޤާނޫނީ ނުކުތާތަކަށް ރިޢާޔަތްކޮށް ތަފާތު ކުރެވޭ ކަމާއި، މުޙައްމަދު ފަޔާޟްގެ މައްޗަށް ތުހުމަތު ކުރެވުނު ޢަމަލު ނިސްބަތްވާ ހާދިސާގައި ބައިވެރިވި އިތުރު ތިން ފުލުހަކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން ކަމަށް ކަނޑައެޅޭނެ ތަނެއް އޮތް ކަމަށް ނުފެންނަ ކަމަށް ނިންމައި އެ މީހުންގެ ވަޒީފާ އަނބުރާ ދިނުމަށް އަމުރުކޮށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމާފައި ވީނަމަވެސް، އެ ޤަޟިއްޔާތަކަށް ރިޢާޔަތްކޮށް މުޙައްމަދު ފަޔާޟްގެ މައްސަލަ ހަމަ އެގޮތަށް ނިންމަންޖެހޭ ޤާނޫނީ ސަބަބެއް އޮތް ކަމަކަށް ނުދެކޭކަން.
9-4 2010 އޮގަސްޓް 06 ވަނަ ދުވަހުގެ ފަތިހު، އަނިޔާ ލިބުނު އަންހެން މީހާ، މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ ގަދަކަމުން ފުލުހުންގެ ކާރަކަށް އަރުވައިގެން އޭނާއާމެދު ބަދުއަޚްލާޤީ ޢަމަލު ހިންގި މައްސަލައިގައި މުޙައްމަދު ފަޔާޟް ބައިވެރިވިކަން އަންގައިދޭ ހެކީގެ ތަފުޞީލާއި، އެ ހެކިތައް މުޙައްމަދު ފަޔާޟްއާގުޅޭ ގޮތް، ދިވެހިރާއްޖޭގެ ހައިކޯޓުން މި މައްސަލަ ނިންމަމުން ފާހަގަކޮށްފައިވާ ކަމާއި، އެ ހެކިތަކަކީ، މި ހާދިސާގައި މުޙައްމަދު ފަޔާޟް ބައިވެރިވި ކަމަށް، މަދަނީ މިންގަނޑުން ސާބިތުކުރުމަށް ކާފީ ހެކި ކަމުގައި ދައުލަތުން ފާހަގަކުރާ ކަމާއި، އެ ހެކިތަކަށް ބުރަވެ، ދިވެހިރާއްޖޭގެ ހައިކޯޓުން މައްސަލަ ނިންމާފައިވަނީ ޝަރުޢީ އަދި ޤާނޫނީ އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ކަމުގައި ފާހަގަކުރާކަން.
10މުޙައްމަދު ފަޔާޟްގެ ފަރާތުން އިސްތިއުނާފީ ހަތަރު ނުކުތާއެއް ފާހަގަ ކޮށްފައިވާއިރު، އެ ހަތަރު ނުކުތާއާ ގުޅިގެން ފާހަގަ ކުރެވެނީ ދެ ކަމެކެވެ. ފުރަތަމަ ކަމަކީ، މި މައްސަލައިގައި މުޙައްމަދު ފަޔާޟް ވަޒީފާއިން ވަކިކޮށްފައިވަނީ، ޤާނޫނު ބުނާ މިންވަރަށް އޭނާއާ ދެކޮޅަށް ހެކި ހުރެގެން ނޫންކަމަށް އިސްތިއުނާފު ކުރާ ފަރާތުން ބުނާކަމެވެ. މިއީ އިސްތިއުނާފީ ފުރަތަމަ އަދި ދެވަނަ އަދި ހަތަރު ވަނަ ނުކުތާގައި އެ ފަރާތުން ފާހަގަ ކުރާ ކަންކަމެވެ. ދެވަނަ ކަމަކީ، މި މައްސަލައިގައި މުޙައްމަދު ފަޔާޟްގެ މައްޗަށް ޖިނާއީ ދަޢުވާ ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ނެތުމުގެ ސަބަބުން ޖިނާއީ މައްސަލަ ފުލުހުން ފައިލު ކުރުމަށްފަހު، މި ހާދިސާގައި މުޙައްމަދު ފަޔާޟްގެ އިތުރުން ތުހުމަތު ކުރެވުނު ތިން މީހުންނާމެދު ސިވިލް ކޯޓުން ނިންމި ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކުރުމަށްފަހު، މުޙައްމަދު ފަޔާޟްގެ މައްސަލައިގައި އެނޫން ގޮތަކަށް ހައިކޯޓުން ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި މުޙައްމަދު ފަޔާޟް ދެކޭކަމެވެ.
ފުލުހުން ވަޒީފާއިން ވަކި ކުރުމުގައި ޤާނޫނު
11މުޙައްމަދު ފަޔާޟް ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުމުގައި ދެ ޤަވާޢިދަކަށް ޙަވާލާ ދީފައިވެއެވެ. ފުރަތަމަ ޤަވާޢިދަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދެވެ. ދެވަނަ ޤަވާޢިދަކީ، ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދެވެ.
12ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދަކީ، ޤާނޫނު ނަންބަރު 05/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ 07 ވަނަ ނަންބަރުން ބާރު ލިބިގެން ހަދާފައިވާ ޤަވާޢިދެކެވެ. މި ޤަވާޢިދުގައި ޑިސިޕްލިނަރީ އަދި އިދާރީ ކުށްތައް ތަޙްޤީޤުކޮށް އަދަބު ކަނޑައެޅުމުގެ އިންތިޒާމުތަކާއި، އުސޫލުތައް ބަޔާންކޮށްފައިވެއެވެ.
13HN1ފުލުހުންގެ ވަޒީފާއާބެހޭ އެންމެހައި ކަންކަން ބަޔާންވެފައިވަނީ ޤާނޫނު ނަންބަރު 05/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ 04 ވަނަ ނަންބަރުން ބާރު ލިބިގެން ހަދާފައިވާ "ވަޒީފާއާބެހޭ ޤަވާޢިދު" ގައެވެ. ފުލުހުންގެ ޤާނޫނުގައިވާ ވަޒީފާއާ ގުޅުހުންހުރި މާއްދާތައް އެކުއެކީ ކިޔައިލުމުން ފުލުހުންގެ ވަޒީފާއާބެހޭ އެންމެހައި ކަންކަމަކީ ޤާނޫނު ނަންބަރު 02/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 02 ވަނަ މާއްދާގެ (ހ) ގައި ބަޔާންވެފައިވާ ފަދައިން އެ ޤާނޫނުން އިސްތިސްނާވެފައިވާ ކަންތައްތަކެއްކަން އެނގެއެވެ.
14HN2ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓް އަދި ކޯޑް އޮފް އެތިކްސްއަކީވެސް ޤާނޫނު ނަންބަރު 05/2008 (ފުލުހުންގެ ޤާނޫނު) ގެ 17 ވަނަ މާއްދާގެ (ނ) ގެ 02 ވަނަ ނަންބަރުން ޤާނޫނީ ބާރު ލިބިފައިވާ ކޯޑުތަކެކެވެ. މިއީ ފުލުހުންގެ އެއްވެސް ރޭންކެއް އިސްތިސްނާ ކުރުމެއްނެތި ހުރިހާ ފުލުހުން ތަބާވާންޖެހޭ ކޯޑުތަކެކެވެ.
15ފުލުހުންގެ ކޯޑު އޮފް ކޮންޑަކްޓަށް ބަލާއިރު، ފުލުހުންނަކީ ޤައުމީ ޚިދުމަތުގައި ތެދުވެރި ވަފާތެރި ބަޔަކަށް ވުން ލާޒިމް ކުރެއެވެ. އަދި ފުލުހުންގެ ޑިއުޓީގަ އާއި ޑިއުޓީން ބޭރުގައިވެސް ފުލުހުންނަކީ އަމިއްލަ ނަފްސަށް ތެދުވެރިވެ، ކުރާ ކޮންމެ ކަމެއްގައި އިޚްލާޞްތެރި ބަޔަކަށް ވުމާއި، ފުލުހުން ކުރާ ޢަމަލެއްގެ ސަބަބުން ތިމާގެ ތެދުވެރި ކަމާއި އިންސާފުވެރި ކަމާމެދު ސުވާލު އުފެދޭފަދަ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.
16HN3މަޤާމުގެ ޒިންމާ އަދާކުރުމުގައްޔާއި އަމިއްލަ ދިރިއުޅުމުގައި އަބަދުވެސް ތެދުވެރިކަންމަތީ ހުރުމާއި، އަދަބާއި ސުލޫކާއި އަޚްލާޤުގެ އެންމެ މަތީ ހަމަތަކުގައި ހިފެހެއްޓުމަކީ ފުލުހުންގެ ކޯޑް އޮފް އެތިކްސް ކޮންމެ ފުލުހަކަށް ލާޒިމް ކުރާ ކަންކަމެވެ.
17މުޙައްމަދު ފަޔާޟް ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި ޑިސިޕްލިނަރީ ބޯޑުން ޙަވާލާ ދީފައިވާ ފުރަތަމަ ޤާނޫނީ ނައްޞަކީ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި، އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ޤަވާޢިދުގެ 07 ވަނަ މާއްދާގެ (ހ) ގެ 01 ވަނަ ނަންބަރެވެ. މި ނަންބަރުގައި ބަޔާންވެފައިވަނީ، ފުލުހުންގެ ކޯޑު އޮފް އެތިކްސް އަދި ކޯޑް އޮފް ކޮންޑަކްޓްގައި ބަޔާންކޮށްފައިވާ ކަންތައްތަކާއި ޚިލާފަށް ހިންގާ ކޮންމެ ޢަމަލަކީ އެ ޤަވާޢިދުގެ މަޤުޞަދަށްޓަކައި ޑިސިޕްލިނަރީ ކުށެއް ކަމަށެވެ.
18ޑިސިޕްލިނަރީ ބޯޑުން ޙަވާލާދޭ ދެވަނަ ޤާނޫނީ ނައްޞަކީ ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) އެވެ. މި އަކުރުގައި ބަޔާންވެފައިވަނީ، "މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރާ ތަޙްޤީޤަކުން ނުވަތަ ތަޙްލީލަކުން މުވައްޒަފަކު ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެ ކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، އެ މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑުން ނުވަތަ ކޮމިޓީއިން ހުށަހެޅުމުން" މި ފަދައިންނެވެ.
19HN4HN5ފާހަގަ ކުރެވުނު ނުކުތާތަކުގެ 13 ވަނަ ނުކުތާގައި ބަޔާންކުރި ފަދައިން، މަތީގައި ޙަވާލާ ދެވުނު ޤާނޫނީ ނައްޞުތަކަށް ބަލާއިރު، ފުލުހަކު ވަޒީފާއިން ވަކިކުރާ ޙާލަތުގެ މައްޗަށް ހިނގާނީ ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާން ކޮށްފައިވާ ޢާންމު ހަމަތަކާއި މިންގަނޑުތަކެއް ނޫނެވެ. އެހެނީ ފުލުހުންނަކީ، ހުވައެއްގެ މަތީގައި ތިބެ، ޤާނޫނު ތަންފީޒުކޮށް އަމަން ބަލަހައްޓާ މުއައްސަސާއެއްގައި މަސައްކަތްކުރާ ބަޔަކު ކަމަށްވާތީ، ޤާނޫނު ތަންފީޒު ކުރުމާއި، އަމަން ބެލެހެއްޓުމާ ގުޅޭކަންކަމުގައި ފުލުހުންގެ މުއައްސަސާއަށް އެއްބާރުލުން ދިނުމާއި ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބު ކަމަށްވާއިރު، އެ ވާޖިބާ ފުށުއަރާފަދަ ގޮތަކަށް ފުލުހެއްގެ ޢަމަލު ހުރެއްޖެނަމަ، އެކަމުގެ ސަބަބުން މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވާތީވެ، ފުލުހުންގެ ކޯޑް އޮފް ކޮންޑަކްޓާއި ކޯޑް އޮފް އެތިކްސްއާ ޚިލާފުވެފައިވާކަން ނުވަތަ ނޫންކަން ބެލުމުގައި ރިޢާޔަތްކުރާނޭ ސާބިތު ކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ ޤާނޫނުގެ ދަށުން ރިޢާޔަތްކުރާ ސާބިތު ކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެ ކަމަށް ޤަބޫލު ކުރެވެއެވެ.
ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި ހެކި ވަޒަންކުރުން
20HN6HN7HN8HN9HN10މުޙައްމަދު ފަޔާޟްގެ މައްޗަށް ތުހުމަތު ކުރެވޭ ހާދިސާގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި ދެ މީހަކާ ގުޅިގެން ބެލުނު ދެ މައްސަލައެއްގައި ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ ދަށުން ހެކި ވަޒަން ކުރާނެ ގޮތާއި، އެ މާއްދާގެ ދަށުން ޤާނޫނާ ޤަވާޢިދާ ޚިލާފު ޢަމަލެއް ސާބިތު ކުރުމުގައި ބަލާނެ މިންގަނޑަކީ ކޮބައިކަން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ބަޔާންކޮށް ދީފައިވެއެވެ. ތިރީގައި މިވަނީ އެ ގޮތުން ފާހަގަ ކުރެވޭ މައިގަނޑު ކަންކަމެވެ. މި ކަންކަން ފާހަގަ މި ކުރަނީ، މި އުސޫލުތަކަށް އަހުރެން ފުރިހަމައަށް ތާއީދު ކުރާތީއެވެ.
20-1 ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގެ ބޭނުމަށްޓަކައި ފުލުހަކު ޤާނޫނާ ނުވަތަ ޤަވާޢިދާ ޚިލާފު ކަމެއް ކޮށްފިކަން ތަޙްޤީޤަށް ސާބިތުވާ ކަމަށް ބަލަންޖެހޭނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކުގެ މަތިން ކަންކަން ސާބިތު ކުރުމަށް ޝަރީޢަތާއި ޤާނޫނުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ކަމެއް ސާބިތުވުމުންކަން.
20-2 ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ކުރާ ތަޙްޤީޤުގައި ބަލަންޖެހޭ މައިގަނޑު އަސާސްތަކަކީ ޤާނޫނުގައި ކަނޑައެޅިފައިވާ އިޖުރާއަތުތަކާ އެއްގޮތްވާ ގޮތުގެމަތިން އެ ތަޙްޤީޤުގައި ހޯދަން ބޭނުންވާ ކަންކަމާ ގުޅޭ ހެކިތައް ހޯދައި އެ ހެކިތައް ޖަމާކޮށް އޭގެ ފަހުން އެ ހެކިތަކަކީ އެ ތަޙްޤީޤެއްގައި ތުހުމަތު ކުރެވުނު ފަރާތާމެދު ޖިނާއީ ގޮތުން ނުވަތަ ތައުދީބީ ގޮތުން ނަމަވެސް ފިޔަވަޅެއް އެޅުމަށް އެކަށޭނެ ކާފީ ހެކި ހުރިތޯ ވަޒަން ކުރުންކަން.
20-3 ފުލުހަކާމެދު ފިޔަވަޅު އެޅުމަށް އެކަށޭނެ ހެކި ހުރިކަން ނުވަތަ ނެތްކަން ވަޒަން ކުރާނީ ބެލެންސް އޮފް ޕްރޮބަބިލިޓީގެ މިންގަނޑުންކަން.
20-4 ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަކަށް ހުށަހެޅިއްޖެ ނަމަ، ފުރަތަމަ ކޯޓުން ބަލަންވާނީ އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނެ ހެއްކެއް ބޯޑުގެ ކުރިމަތީގައި އެ ވަގުތު އޮތްކަން ނުވަތަ ނޫންކަމަށެވެ. ދެވަނަ ކަމަކަށް ބަލަންވާނީ، ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ގަބޫލު ކުރެވުނު ސަބަބުތަކުގެ ޙަޤީޤަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަޙްޤީޤެއް ކޮށްފައިވާކަން ނުވަތަ ނޫންކަން.
ފުލުހުންގެ މުއައްސަސާއަށް ޢާންމުން ކުރާ އިތުބާރު ކުޑަވެދާނެކަން ކަނޑައެޅުން
21HN11ފުލުހުންގެ ވަޒީފާއާބެހޭ ޤަވާޢިދުގެ 24 ވަނަ މާއްދާގެ (ށ) ގައި، ފުލުހަކު ވަޒީފާއިން ވަކި ކުރެވޭނީ ފުލުހަކު ޤާނޫނާއި ނުވަތަ ޤަވާޢިދާ ޚިލާފު ޢަމަލެއް ކޮށްފިކަން ފުލުހުންގެ ތަޙްޤީޤަށް ސާބިތުވާ ޙާލަތެއްގައި، އެ ކުޅަ ޢަމަލެއްގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ޚިދުމަތްދޭ މުއައްސަސާއެއްގައި، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، އެ މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެނުމުން ކަމަށް އޮންނަ އޮތުމަށް ބަލާއިރު، މިފަދައިން ތުހުމަތު ކުރެވޭ ޢަމަލުގެ ބާވަތަކީ ފުލުހުންގެ މައިގަނޑު ވާޖިބާއި މަސްއޫލިއްޔަތާ ފުށުއަރާ ޢަމަލެއް ކަމުގައިވާނަމަ، އެ ޢަމަލަކީ އޭގެ ޒާތުގައި ފުލުހުންގެ މުއައްސަސާގެ މައްޗަށް ޢާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ބެލެވިދާނެއެވެ.
މުޙައްމަދު ފަޔާޟްއާ ދެކޮޅަށް ހުރި ހެކިތައް ވަޒަން ކޮށްފައިވާ ގޮތް
22އިސްތިއުނާފީ ނުކުތާތަކުގައި މުޙައްމަދު ފަޔާޟް ފާހަގަ ކޮށްފައިވާ މައިގަނޑު ކަމަކީ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާގެ މައްޗަށް ކުރެވުނު ތުހުމަތާ ގުޅިގެން އޭނާއާ ދެކޮޅަށް އެއްވެސް ހެއްކެއް ހުށަހެޅިފައި ނެތްއިރު، އެކަން ސިވިލް ކޯޓުގެ ނިންމުމުގައިވެސް ފާހަގަކޮށްފައިވާއިރު، ހައިކޯޓުން އޭނާއާ ދެކޮޅަށް މައްސަލަ ނިންމާފައިވަނީ ޤާނޫނާ އެއްގޮތަށް ކަމަށް ނުދެކޭ ކަމަށެވެ.
23މުޙައްމަދު ފަޔާޟް ފާހަގަކުރާ މި ނުކުތާގެ ތަފުސީލު ލިބިގެންދާނީ މި ހާދިސާއާ މުޙައްމަދު ފަޔާޟްއާ ގުޅުމެއް ނެތްކަމަށް އޭނާ ބުނާ ބުނުމާއި، މުޙައްމަދު ފަޔާޟް ވަޒީފާއިން ވަކިކުރުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމިއިރު، ބުރަވެފައިވާ ހެކިތަކުގެ ތަފުސީލަށް ބެލުމުންނެވެ.
މުޙައްމަދު ފަޔާޟް ބުނާ ގޮތް
24މުޙައްމަދު ފަޔާޟް ފުލުހުންގެ ވަޒީފާއިން ވަކި ކޮށްފައިވަނީ 2010 އޮގަސްޓް 06 ވަނަ ދުވަހު ފަތިހު އަނިޔާ ލިބުނު އަންހެން މީހާ، މާލޭ މާވެޔޮ މިސްކިތް ކައިރީގައި ހުއްޓާ ގަދަކަމުން ފުލުހުންގެ ރަޖިސްޓްރީ ނަންބަރު S5241 AA0B ކާރަށް އަރުވައިގެން ގޮސް އޭނާއާމެދު ގަދަކަމުން ބަދުއަޚްލާޤީ ޢަމަލު ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ހާދިސާގައި މުޙައްމަދު ފަޔާޟް ބައިވެރިވެފައިވާތީ ކަމަށް ޑިސިޕްލިނަރީ ބޯޑަށް ޤަބޫލު ކުރެވުނު ނަމަވެސް، މި ޢަމަލުގައި މުޙައްމަދު ފަޔާޟް ބައިވެރިނުވާ ކަމަށާއި، މި ޙާދިސާ ހިނގި ރޭ 01:30 އެހައިކަށްހާއިރު އޭނާ ދިރިއުޅޭ ގެއަށް ގޮސް އޭނާ އޮތީ ނިދާފައި ކަމަށާއި، އޭނާ ހޭލީ ފަތިހު 05:30 ގައި ކަމަށް މުޙައްމަދު ފަޔާޟް ބުނެއެވެ.
25މުޙައްމަދު ފަޔާޟް މިފަދައިން ބުނެފައިވަނީ، 06 އޮގަސްޓް 2010 ގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަޙްޤީޤަށް ދީފައިވާ އިންޓަވިއުގައެވެ. މި އިންޓަވިއުގެ ވީޑިއޯ ރެކޯޑިންގ 12 ސެޕްޓެމްބަރ 2012 ގައި ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅިފައިވެއެވެ. މި ވީޑިއޯ ރެކޯޑިންގައި ދެކެވިފައިވާ ވާހަކަތަކާމެދު މައުޟޫޢީ ގޮތެއްގައި މުޙައްމަދު ފަޔާޟް ސިވިލް ކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައި ނުވެއެވެ. ނަމަވެސް މި ވީޑިއޯއާ ބެހޭ ގޮތުން މުޙައްމަދު ފަޔާޟްގެ ވަކީލު ބުނެފައިވަނީ، "އަޙްމަދު ފަޔާޒަށް ތަޙްޤީޤު މަރުޙަލާގައި ވަކީލަކު ހޯދާ ލިބިގަތުމުގެ ފުރުސަތު ނުދީ، ޤާނޫނުއަސާސީގެ 48 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ގޮތާއި ޚިލާފަށް ނަގާފައިވާ ވީޑިއޯއަކީ ޤާނޫނުއަސާސީގެ 52 ވަނަ މާއްދާ އާއި ޚިލާފަށް ނަގާފައިވާ ވީޑިއޯ އަކަށްވާތީ އެއީ ބާޠިލު ވީޑިއޯ އެއްކަމުގައި ދަންނަވަމެވެ." މި ފަދައިންނެވެ.
26ދިވެހިރާއްޖޭގެ ހައިކޯޓުން މުޙައްމަދު ފަޔާޟްއާ ދެކޮޅަށް މައްސަލަ ނިންމުމުގައި ބުރަވެފައިވަނީ އޭނާއާ ދެކޮޅަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުނު ހެކިތަކަށެވެ. ޑިސިޕްލިނަރީ ބޯޑުން ހެކިތައް ވަޒަން ކުރުމުގައި މުޙައްމަދު ފަޔާޟް އޭނާގެ ދިފާޢުގައި ބުނެފައިވާ ބުނުންތަކަށް ރިޢާޔަތް ކޮށްފައިވެއެވެ. ތިރީގައި މިވަނީ މި ހެކިތަކާ ގުޅިގެން ފާހަގަ ކުރެވޭ ކަންކަމެވެ.
ހާދިސާގައި ބޭނުންކުރި ކާރާ ގުޅޭ ކަންކަން
27ހައިކޯޓުން މައްސަލަ ނިންމުމުގައި މުޙައްމަދު ފަޔާޟްއާ ދެކޮޅަށް ޑިސިޕްލިނަރީ ބޯޑުން ފާހަގަކުރި ހެކިތަކަށް ބަލާއިރު، އެންމެ ފުރަތަމަ ފާހަގަކޮށްފައިވާ އެއް ކަމަކީ، މި ހާދިސާގައި ބޭނުންކޮށްފައިވާ ފުލުހުންގެ ރަޖިސްޓްރީ ނަންބަރު S5241 AA0B ކާރަކީ، މުޙައްމަދު ފަޔާޟްގެ ބެލުމުގެ ދަށުގައި އޮތް ކާރެއް ކަމެވެ.
28ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުގައި މުޙައްމަދު ފަޔާޟް ބުނެފައިވަނީ 05 އޮގަސްޓް 2010 ދުވަހުގެ ރޭ 00:30 އެހައިކަށްހައިއިރު، ފުލުހުންގެ ރަޖިސްޓްރީ ނަންބަރު S5241 AA0B ކާރު އިސްކަންދަރު 01 ނަންބަރު ކޮށީގައި ޕާކު ކުރުމަށްފަހު އެ ރޭގެ އެއްވެސް ވަގުތެއްގައި އޭނާ އެ ކާރު ދުއްވާފައި ނުވާ ކަމަށެވެ.
29މުޙައްމަދު ފަޔާޟް މި ގޮތަށް ބުނިނަމަވެސް، ހާދިސާ ހިނގި ރޭ ފަތިހު 05:20 އެހައިކަށްހައިއިރު، މުޙައްމަދު ފަޔާޟް މި ކާރު އިސްކަންދަރު 02 ނަންބަރު ކޮށީގައި ހަދާފައި ހުރި ކެފޭ ކުރިމަތީގައި ޕާކުކުރި ކަމަށާއި، ޕާކު ކުރުމަށްފަހު މުޙައްމަދު ފަޔާޟް ގޭޓުން ނުކުންނަށް ދާން ފެށުމުން މުޙައްމަދު ފަޔާޟްއާ ވާހަކަ ދެއްކި ކަމަށް އެ ވަގުތު އެ ތަނުގެ ގޭޓް ޑިއުޓީގައި ހުރި ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު ނިޔާޒު ބުނެފައިވާކަން ޑިސިޕްލިނަރީ ބޯޑުން ފާހަގަކޮށްފައިވެއެވެ.
30ފުލުހުންގެ ރަޖިސްޓްރީ ނަންބަރު S5241 AA0B ކާރުގެ ދެވަނަ ތަޅުދަނޑި (ޑަބަލް ކީ) އެއްވެސް ފަރާތަކަށް ދޫކޮށްފައި ނުވާ ކަމަށް ލޮޖިސްޓިކް ސަރވިސްއިން ޑިސިޕްލިނަރީ ބޯޑަށް މަޢުލޫމާތު ދީފައިވެއެވެ. މި ކަމާ ގުޅިގެން މުޙައްމަދު ފަޔާޟް ބުނަނީ އެ ކާރުގެ ތަޅުދަނޑިއަކީ ކޮންމެ މީހަކަށްވެސް ފަސޭހައިން ހެދިދާނެ ތަޅުދަނޑިއެއް ކަމަށާއި، އެ ކާރުގެ ދެވަނަ ތަޅުދަނޑި ދޫކޮށްފައި ނުވުމަކީ، އެހެން ތަޅުދަނޑިއަކުން އޭނާ ނޫން މީހަކު އެ ކާރު ބޭނުން ނުކުރާކަން އަންގައިދޭ ކަމެއް ނޫންކަމަށެވެ. މި ފަދައިން މުޙައްމަދު ފަޔާޟް ބުނާ ބުނުން ފިޔަވައި މި ކަމަށް މުޙައްމަދު ފަޔާޟްގެ ފަރާތުން އިތުރު ހެއްކެއް ހުށަހަޅާފައި ނުވެއެވެ.
މުޙައްމަދު ފަޔާޟްގެ ހަރަކާތްތަކާމެދު އުފެދޭ ޝައްކު
31ހާދިސާ ހިނގި ރޭ 01:30 އެހައިކަށްހައިއިރުން ފެށިގެން މުޙައްމަދު ފަޔާޟް އޮތީ ނިދާފައި ކަމަށާއި، ނިދާ ހޭލީ ފަތިހު ކުޑަބަނޑޮހަށް ދަތުރު ދިއުމަށް ކަމަށާއި، އޭނާގެ ފޯނުން އެރޭ އެއްވެސް މީހަކަށް ގުޅާފައި ނުވާނެކަން ނުވަތަ އެއްވެސް މީހަކު އޭނާގެ ފޯނަށް ގުޅާފައި ވާނެކަން ނޭނގޭ ކަމަށް މުޙައްމަދު ފަޔާޟް ފުލުހުންގެ ތަޙްޤީޤަށް ފުރަތަމަ ދިން ބަޔާނުގައި ބުނެފައިވާކަން އަންގައިދޭ އިންޓަވިއުގެ ރެކޯޑިން ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅިފައިވާކަން ހައިކޯޓުން ފާހަގަކޮށްފައިވެއެވެ. ނަމަވެސް އެ ޙާދިސާ ހިނގުމުގެ ކުރިން ފެށިގެން މުޙައްމަދު ފަޔާޟް ބުނާ ބުނުމާމެދު ޝައްކު އުފެދޭ ކަންކަން ފާހަގަވެއެވެ. މި ގޮތުން އަންނަނިވި ކަންކަން ފާހަގަ ކުރަމެވެ.
31-1 ހާދިސާ ހިނގި ރޭ 01:00 އެހައިކަށްހައިއިރު، މުޙައްމަދު ފަޔާޟްއާއެކު މުޙައްމަދު ފަޔާޟްގެ ސައިކަލުގައި ކޮންސްޓަބަލް ހުޝާމް ހަމީދު ދިރިއުޅޭ ގެއަށް ދިޔަ ކަމަށާއި، އެ ގޭގައި އިންޓަނެޓް ބޭނުން ކުރުމަށާއި، ފިލްމެއް ބަލަން އިންކަމަށް ހުޝާމް ހަމީދު ބުނެއެވެ. އަދި މި ގޮތަށް ތިބުމަށްފަހު ގާތްގަނޑަކަށް 02 ނުވަތަ 03 ގަޑިއިރު ފަހުން ޙުސައިން ރިޝީފް ޠާހާ ފޯނުން ގުޅައި ހުޝާމް ހަމީދުގެ ގާތުގައި ޙުސައިން ރިޝީފް ޠާހާގެ ގެ ކައިރި ބަލަން ބުނި ކަމަށާއި، އަދި އޭގެ ފަހުން މުޙައްމަދު ފަޔާޟްވެސް ހުޝާމް ހަމީދުއަށް ގުޅައި ޙުސައިން ރިޝީފް ޠާހާ ގުޅި ވާހަކަ ބުނުމަށްފަހު ހުޝާމް ހަމީދު ބަލާ ހުޝާމް ހަމީދު އުޅޭ ގެ ކައިރިއަށް މުޙައްމަދު ފަޔާޟް އައުމުން މުޙައްމަދު ފަޔާޟްގެ ސައިކަލުގައި ދިޔަ ކަމަށް ހުޝާމް ހަމީދު ބުނެފައިވާ ކަމަށް ޑިސިޕްލިނަރީ ބޯޑުން ފާހަގަ ކުރެއެވެ.
31-2 ކޯޕްރަލް ޢަލީ ނަޝީދުގެ ބަހުން އޭނާގެ ދަށުން މަސައްކަތްކުރާ މުޙައްމަދު ފަޔާޟްއާއި، ހުޝާމް ހަމީދު ހާދިސާ ހިނގި ރޭ ފަތިސް ވަންދެން ހޭލާ އުޅޭނެ ކަމަށާއި، އެއީ ޙުސައިން ރިޝީފް ޠާހާގެ ގެ ކައިރީގައި ސެކިއުރިޓީ ބެލެހެއްޓުމުގެ ޓާސްކާއި، ޙުސައިން ރިޝީފް ޠާހާގެ އަންހެނުން ތަންތަނަށް ގެންގޮސް ގެނެސް ދިނުމުގެ ޓާސްކް އޮންނަނީ މި ދެ މީހުންނާ ޙަވާލު ކޮށްފައިވާތީ ކަމަށް ޢަލީ ނަޝީދު ބުނެފައިވާކަން ޑިސިޕްލިނަރީ ބޯޑުން ފާހަގަ ކުރެއެވެ.
31-3 ހާދިސާ ހިނގި ދުވަހު ދަތުރު ދިއުމަށް ގޮސް ޝަހީދު ޙުސައިން އާދަމް ބިލްޑިންގ ކައިރިން މުޙައްމަދު ފަޔާޟްއާ ދިމާވެގެން ވާހަކަ ދެއްކުމުގެ ތެރޭގައި "ދެންމެ ނިމިގެން އަންހެނުން ގޮވައިގެން އައީ ކަމަށް" މުޙައްމަދު ފަޔާޟް ބުނި ކަމަށާއި، "ކޮންކަމެއް ނިންމާފައިތޯ" ސުވާލު ކުރުމުން "އޮޕަރޭޝަނެއް ނިންމާލާފައި އައީ ކަމަށް" މުޙައްމަދު ފަޔާޟް ބުނި ކަމަށް ކޮންސްޓަބަލް ޢަލީ މޫސާ ބުނެފައިވާކަންވެސް ޑިސިޕްލިނަރީ ބޯޑުން ފާހަގަ ކޮށްފައިވެއެވެ.
32މުޙައްމަދު ފަޔާޟްއާ ދެކޮޅަށް މި ހާދިސާގައި މުޙައްމަދު ފަޔާޟް ތަޙްޤީޤަށް އޮޅުވާލުމަށް މަސައްކަތް ކޮށްފައިވާކަން އަންގައިދޭ ހެއްކަކީ ފުލުހުންގެ ތަޙްޤީޤުގެ ބޭނުމަށް ޓެލެކޮމް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ދޫކޮށްފައިވާ މުޙައްމަދު ފަޔާޟްގެ ފޯނު ކޯލުތަކުގެ ތަފުސީލެވެ. މި ތަފުސީލުތަކަށް ބެލުމުން އަންނަނިވި ކަންކަން ފާހަގަ ކުރެވެއެވެ.
32-1 މި ހާދިސާ ހިނގި ރޭގެ 01:34:40 އިން ފެށިގެން 05:51:15 އާ ދެމެދު މުޙައްމަދު ފަޔާޟްގެ ނަންބަރު 9961446 ފޯނުން (އައި.އެމް.އީ.އައި ނަންބަރު 352925021472790) ގިނަ ފޯން ކޯލްތަކަކަށް ޖަވާބުދީ އަދި އެކި ނަންބަރު ތަކަކަށް ގުޅާފައިވާކަން އެނގެއެވެ. މި ގޮތުން އެ ވަގުތުތަކުގައި މުޙައްމަދު ފަޔާޟްގެ ފޯނަށް ޙުސައިން ރިޝީފް ޠާހާ 15 ފަހަރު ގުޅުމުން އެ ފޯން ކޯލްތަކަށް ޖަވާބު ދީފައިވާއިރު، ޙުސައިން ރިޝީފް ޠާހާގެ ފޯނަށް މުޙައްމަދު ފަޔާޟް 06 ފަހަރު ގުޅާފައިވާކަން އެނގެއެވެ. އަދި ޢަލީ ނަޝީދު މުޙައްމަދު ފަޔާޟްގެ ފޯނަށް ތިން ފަހަރު ގުޅުމުން ޖަވާބު ދީފައިވާއިރު، މުޙައްމަދު ފަޔާޟް ޢަލީ ނަޝީދުގެ ފޯނަށް 09 ފަހަރު ގުޅާފައިވެއެވެ.
32-2 މި ހާދިސާގައި ފުލުހުންގެ ކާރުގެ ތެރޭގައި ތިބި ކަމަށް ޑިސިޕްލިނަރީ ބޯޑުން ތުހުމަތު ކުރަނީ މުޙައްމަދު ފަޔާޟްގެ އިތުރުން ހުޝާމް ހަމީދު އާއި ޢަލީ ނަޝީދަށެވެ. މި ކަމަށް މުޙައްމަދު ފަޔާޟްގެ ފޯން ކޯލްތަކުގެ ތަފުސީލުން ބުރަދަނެއް ލިބެއެވެ. ސަބަބަކީ މި ހާދިސާ ހިނގި ކަމަށް ބެލެވޭ ވަގުތުގައި (04:28 އިން ފެށިގެން 05:22 އާ ދެމެދު) މުޙައްމަދު ފަޔާޟްގެ ފޯނަށް ހުޝާމް ހަމީދު އާއި ޢަލީ ނަޝީދު ގުޅާފައިވާ ކަމަށް ފޯން ކޯލްތަކުގެ ތަފުސީލުން ނުދައްކައެވެ.
32-3 މި ހާދިސާ ހިނގި ރޭގައި ބޭނުންކުރި ކާރު ދުއްވި ކަމަށް ބެލެވޭ މަގުތަކާ ގުޅިގެން ފުލުހުންގެ ތަޙްޤީޤުގައި އަނިޔާ ލިބުނު އަންހެން މީހާ ހިއްސާކުރި މަޢުލޫމާތުތަކާއި، މުޙައްމަދު ފަޔާޟްގެ ފޯނު ދަތުރުކޮށްފައި ހުރި ގޮތް (ސެލްޓަވަރުތަކުގެ މަޢުލޫމާތު) ފޯން ކޯލްތަކުގެ ތަފުސީލުން ދިމާވާ ކަމަށް ޑިސިޕްލިނަރީ ބޯޑުން ފާހަގަ ކުރެއެވެ.
33މުޙައްމަދު ފަޔާޟަކީ މި ހާދިސާ ހިނގިއިރު، ކޯޕްރަލްއެއްގެ މަޤާމުގައި ހުރި ފުލުހުންގެ އޮފިސަރެކެވެ. މި ހާދިސާގައި މުޙައްމަދު ފަޔާޟް ފުލުހުންގެ ތަޙްޤީޤަށް ދީފައިވަނީ ހަޤީޤީ ތެދު މަޢުލޫމާތުނަމަ، މުޙައްމަދު ފަޔާޟްގެ ފޯން ކޯލްތަކުގެ ތަފުސީލު އެ ގޮތަށް ހުންނަންޖެހޭ ސަބަބު މުޙައްމަދު ފަޔާޟްއަށް ބުނެދެވެން ޖެހޭނެއެވެ. އަދި މި ހާދިސާ ހިނގި ރޭގައި މުޙައްމަދު ފަޔާޟް ނިދާފައި އޮތްކަމަށް ބުނާއިރު، މުޙައްމަދު ފަޔާޟްއާ ބައްދަލުވެ މުޙައްމަދު ފަޔާޟްއާ މުޢާމަލާތު ކުރިކަމަށް ބުނާ މީހުން އެ ގޮތަށް ބުނަންޖެހޭ ސަބަބެއް މުޙައްމަދު ފަޔާޟްއަށް ދެއްކެން ޖެހޭނެއެވެ.
34ވުމާއެކު، މުޙައްމަދު ފަޔާޟް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ވަޒީފާއިން ވަކިކުރުމުގައި މުޙައްމަދު ފަޔާޟް ޤާނޫނާ ޚިލާފު ޢަމަލެއް ކޮށްފި ކަމަށް ބޮޑަށް ޤަބޫލު ކުރެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ބަލަންޖެހެއެވެ. އަދި މިފަދައިން ލިބިފައި ހުރި ހެކިތައް ވަޒަން ކުރާއިރު، ތަހްޤީޤުގައި މުޙައްމަދު ފަޔާޟް ކަމުގެ އަސްލު އޮޅުވާލައި މައްސަލައިގެ ޙަޤީޤަތްތައް އޭނާ ބޭނުންވާ ގޮތަށް ބަދަލު ކުރުމަށް މަސައްކަތްކޮށްފައިވާ ކަމާއި، މިފަދަ ޙާލަތެއްގައި މުޙައްމަދު ފަޔާޟް ފުލުހުންގެ ވަޒީފާގައި ބެހެއްޓުމަކީ އޭގެ ސަބަބުން އެހެން މުވައްޒަފުންނަށާއި، ފުލުހުންގެ މުއައްސަސާއަށް ރައްޔިތުން ކުރާ އިތުބާރާއި ޔަޤީންކަން ކުޑަވެދާނެ ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޤަބޫލުކުރެވެއެވެ. އަދި އެ ފަދައިން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް އަހުރެންނަކަށް ނުފެނެއެވެ.
ތުހުމަތު ކުރެވުނު އެހެން މީހުންގެ މައްސަލަތަކާ ޚިލާފަށް މުޙައްމަދު ފަޔާޟްގެ މައްސަލަ ހައިކޯޓުން ނިންމުން
35އިސްތިއުނާފު ކުރެވޭ މި މައްސަލައިގެ ހާދިސާގައި މުޙައްމަދު ފަޔާޟްގެ އިތުރުން ތުހުމަތު ކުރެވުނު ތިން މީހުންނާމެދު ސިވިލް ކޯޓުން ނިންމި ގޮތަށް ދިވެހިރާއްޖޭގެ ހައިކޯޓުން ތާއީދު ކުރުމަށްފަހު، މުޙައްމަދު ފަޔާޟްގެ މައްސަލައިގައި އެނޫން ގޮތަކަށް ހައިކޯޓުން ނިންމުމަކީ ޤާނޫނާ ޚިލާފަށް ނިންމާފައިވާ ނިންމުމެއް ކަމުގައި މުޙައްމަދު ފަޔާޟް އިސްތިއުނާފީ ތިންވަނަ ނުކުތާގައި ފާހަގަކޮށްފައިވެއެވެ.
36މި ނުކުތާ ތަފުސީލު ކުރަމުން މުޙައްމަދު ފަޔާޟް މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ، މި ހާދިސާގައި ތުހުމަތު ކުރެވުނު އެހެން މީހުންނެކޭ އެއްގޮތަށް މުޙައްމަދު ފަޔާޟްއާ ދެކޮޅަށްވެސް ހެއްކެއް ނެތްއިރު، އޭނާ ވަޒީފާއިން ވަކިކުރުމަށް ނިންމުމަކީ ޤާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫންކަމަށެވެ.
37HN12HN13އެއް ހާދިސާއެއްގައި އެއް ތުހުމަތެއް ނުވަތަ ވަކިވަކި ހާދިސާތަކެއްގައި ވަކިވަކި ތުހުމަތުތަކެއް ކުރެވުނު ނަމަވެސް އެއިން ކޮންމެ މައްސަލައެއްގައި ޝަރީޢަތުގެ ކުރިމައްޗަށް ހުށަހެޅޭ ހެކިތައް ވަޒަން ކުރުމުގައި ތުހުމަތު ކުރެވޭ ކޮންމެ މީހަކާ ދެކޮޅަށް ހުރި ހެކިތަކަކީ ކޮބައިކަން ދެނެގަނެ އެ ހެކިތަކަށް ދެވޭނެ ބުރަދަން ވަޒަން ކުރުމަކީ ކުރަންޖެހޭނެ ކަމެއް ކަމުގައި ދެކެމެވެ. މި އުސޫލުން އެއް ހާދިސާއަކާ ގުޅިގެން ތުހުމަތު ކުރެވޭ އެކަކަށްވުރެ ގިނަ މީހުންގެ ތެރެއިން ވަކި މީހެއް ނުވަތަ ވަކި ބަޔަކާމެދު ޝަރީޢަތުން ވަކި ގޮތެއް ނިންމުމަކީ އެ ނޫން މީހުންނާމެދު ޤާނޫނާ ޚިލާފަށް ނިންމުމެއް ނިންމާފައިވާ ކަމަށް ބެލެވޭނެ ހުއްޖަތެއް ނޫނެވެ.
ފަނޑިޔާރު ޢާއިޝާ ޝުޖޫން މުޙައްމަދުގެ ރައުޔު
38މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.
ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު
39މި މައްސަލައިގައި ފަނޑިޔާރު މަޙާޒު ޢަލީ ޒާހިރު ފާހަގަކުރައްވާފައިވާ ނުކުތާތަކަށް އަހުރެން ތާއީދު ކުރަމެވެ.
ޙުކުމް
ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން މުޙައްމަދު ފަޔާޟްގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ފާހަގަ ކޮށްފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2014/HC-A/142 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަންޖެހޭ ތަނެއް ނެތްކަމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އިއްތިފާޤުން ޙުކުމް ކޮށްފީމެވެ.
މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:
ޢާއިޝާ ޝުޖޫން މުޙައްމަދު
މަޙާޒު ޢަލީ ޒާހިރު
ޙުސްނުއްސުޢޫދު
(ރިޔާސަތު)
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.