ދިވެހިރާއްޖޭގެ މަތީ މަރުޙަލާގެ ކޯޓުތަކުން ކަނޑައަޅާފައިވާ ޤާނޫނީ އުޞޫލުތައް

Maldives Legal Precedents

Saeed Lex
[2021] SC 10 · 2019/SC-A/17ސުޕްރީމް ކޯޓު · 20 ޖަނަވަރީ 2021

މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)

ސުޕްރީމް ކޯޓު
11 ޙުކުމެއްގައި ޙަވާލާދީފައިޙުކުމުގެ ހާލަތު
ސުޕްރީމް ކޯޓު · 20 ޖަނަވަރީ 2021ބާވަތް: ވަޒީފާއާބެހޭ

ޚުލާޞާ

ޚުލާޞާ ނެތް.

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
—
ފަހުގެ ތާރީޚު
—

ނިންމުން

—

ކޯ ޓާމްސް

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

މި ލިޔުމުން އުޞޫލެއް ނުނެގުނު.

ފަނޑިޔާރުން

ބެންޗު
—
ޚިލާފު ރައުޔު
ނެތް

ޝަރީޢަތުގެ ވީޑިއޯ

ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

2019/SC-A/17

ޝަރީޢަތް ނިމުނުގޮތް

މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް

ފަނޑިޔާރުންގެ މަޖިލިސް

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންފަނޑިޔާރު ޙުސްނުއް ސުޢޫދުފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްނިމުނު ތާރީޚު

20 ޖަނަވަރީ 2021އިސްތިއުނާފު ކުރެވުނު ޤަޟިއްޔާ

2016/HC-A/384

އިސްތިއުނާފު ރައްދުވާ ފަރާތް

އިސްތިއުނާފުކުރާ ފަރާތް

ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް)

މުޙައްމަދު ޝަމްޢޫން ނަޞީރު

ޤާނޫނީ ވަކީލު: އަނާން އަޙްމަދު ރަޝީދު ޤާނޫނީ ވަކީލު: މުޙައްމަދު ޝިފާޒް ޢަބްދުލްޤަދީރު، ޖަހާމުގުރިގެ، ގދ. ގައްދޫ

ޒުލައިޚާ އިބްރާހީމް ޙައްވާ ސަނާ ސަހުނާ ޢަބްދުއްޞަމަދު (އެޓަރނީ ޖެނެރަލްގެ އޮފީސް، މާލެ، ދިވެހިރާއްޖެ) މަދަނީ – ވަޒީފާއާބެހޭ – މައުޟޫޢީ އަދުލުވެރިކަން – ހެކި ވަޒަންކުރުން – ޣައިރު މުސްލިމުންގެ ހެކިބަސް މުސްލިމުންނާ ދެކޮޅަށް ބަލައިގަތުން – ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 60 ވަނަ މާއްދާ – އެއް ކުށަކަށް ދެ އަދަބު ދިނުން (Double Jeopardy) – އިޖުރާއީ ޢަދުލުވެރިކަން – ފުލުހުން ވަޒީފާއިން ވަކިކުރުމުގައި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގައި ކަނޑައަޅާފައިވާ މިންގަނޑުތައް ނުހިނގުން – ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާ – ބަދަލު ދިނުން

މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް

ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔު (ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިން އަދި ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމް ތާއީދު ކުރައްވާފައި)

ތަޢާރުފު

މި މައްސަލައަކީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/384 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫން ކަމަށް ބުނެ ހ. އޮށްކަފަގެ، މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން (މީގެ ފަހުން 'މުޙައްމަދު ޝަމްޢޫން ނަޞީރު' ނުވަތަ 'އިސްތިއުނާފުކުރާ ފަރާތް') ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރަން ހުށަހެޅި މައްސަލައެކެވެ. މި މައްސަލައިގައި އިސްތިއުނާފު ރައްދުވާ ފަރާތަކީ ދިވެހި ދައުލަތް (މޯލްޑިވްސް ޕޮލިސް ސަރވިސް) (މީގެ ފަހުން 'އިސްތިއުނާފު ރައްދުވާ ފަރާތް' ނުވަތަ 'މޯލްޑިވްސް ޕޮލިސް ސަރވިސް') އެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަންޖެހޭ މައިގަނޑު ސުވާލަކީ، މުޙައްމަދު ޝަމްޢޫން ނަޞީރު މޯލްޑިވްސް ޕޮލިސް ސަރވިސްގައި އަދާކުރަމުންގެންދިޔަ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނާ އެއްގޮތަށްތޯ ނުވަތަ ނޫންތޯއެވެ.

މައްސަލައިގައި ކަން ހިނގާފައިވާ ގޮތް

މުޙައްމަދު ޝަމްޢޫން ނަޞީރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކުރިއިރު އޭނާ ހުރީ ޕޮލިސް ސަރޖެންޓެއްގެ މަގާމުގައެވެ.

މުޙައްމަދު ޝަމްޢޫން ނަޞީރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ވަކިކޮށްފައިވަނީ އޭނާ އާއި ހ. އޮށްކަފަގެ ޢަލީ ޝިމްޢާން ނަޞީރު އާއި އިތުރު ބަޔަކު 13 ފެބުރުވަރީ 2011 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. ދުނގެތިމާގެއަށް ވަދެ ވ. ފެލިދޫ، ބުލާޝަންމާގެ މަރްޔަމް ފަރުހާދާ ވަޙީދުގެ ގައިގައި ތަޅައި މާރާމާރީ ހިންގައި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ދަރިފުޅުގެ މަންމަގެ އަތުން ދަރިފުޅު އަތުލައި ކޯޓުގެ އަމުރާ ޚިލާފުވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންނަށް އިންޒާރުދީފައިވާ ކަމަށް ތުހުމަތުކުރެވިގެން ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑަށް (މީގެ ފަހުން 'ބޯޑު') ހުށަހެޅުނު މައްސަލަ އެ ބޯޑުން ބެލިބެލުމުން މުޙައްމަދު ޝަމްޢޫން ނަޞީރު މަރްޔަމް ފަރުހާދާ ވަޙީދުގެ ގައިގައި ތަޅައި މާރާމާރީ ހިންގި ކަމާއި ފުލުހުންގެ ދެ މީހަކަށް އިންޒާރުދީފައިވާކަން ހެކިންގެ ހެކިބަހުން އެނގޭތީ އާއި މުޙައްމަދު ޝަމްޢޫން ނަޞީރުގެ އެ އަމަލުތަކަކީ ފުލުހުންގެ ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފު އަމަލަކަށްވާތީ އާއި އޭނާގެ އެ އަމަލަކީ އޭގެ ސަބަބުން މޯލްޑިވްސް ޕޮލިސް ސަރވިސް ފަދަ ސަލާމަތީ ހިދުމަތްދޭ މުއައްސަސާއެއްގެ މައްޗަށް އާއްމު ރައްޔިތުންގެ އިތުބާރު ކުޑަވެގެންދާނެ ފަދަ އަމަލަކަށްވާތީ ކަމަށް އޭނާ ވަޒީފާއިން ވަކިކުރި ލިޔުމުގައި ބަޔާންކޮށްފައިވެއެވެ.

އެކަށީގެންވާ ސަބަބެއް ނެތި 14 މާރިޗު 2011 ގައި މުޙައްމަދު ޝަމްޢޫން ނަޞީރު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވަޒީފާއިން ގާނޫނާއި ގަވާއިދާ ޚިލާފަށް ވަކިކޮށްފައިވާ ކަމަށް ބުނެ، އޭނާ ވަޒީފާއިން ވަކިކޮށްފައިވަނީ ގާނޫނުއަސާސީގެ 37 (ހ) އާއި (ށ) އާއި (ނ) އާއި ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއެކުގައި އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށާއި، މުޙައްމަދު ޝަމްޢޫން ނަޞީރުއަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ ފަރާތެއް ކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމައަށް ލިބެންޖެހޭ މުސާރަ ލިބިދިނުމަށާއި ވަޒީފާއިން ވަކިކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލާއި، ގާނޫނީ ވަކީލަށް ހަރަދުވި ފައިސާ ހޯދުމަށް އެދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާ ކުރިއެވެ.

ސިވިލް ކޯޓުން ހުކުމްކޮށްފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޕޮލިސް ސަރޖެންޓްކަމުގެ މަގާމުން މުޙައްމަދު ޝަމްޢޫން ނަޞީރު ވަކިކޮށްފައިވަނީ ގާނޫނުއަސާސީގެ 43 ވަނަ މާއްދާގެ ދަށުން ކަށަވަރުކޮށްދީފައިވާ އަދުލުވެރިކަމާއެކުގައި އިދާރީ ފިޔަވަޅު އެޅުމުގެ އުސޫލާ ޚިލާފަށް ކަމަށް ބަލާނެ ތަނެއް ނެތް ކަމަށެވެ.

ސިވިލް ކޯޓުގެ މި ހުކުމް މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެ ކޯޓުގެ ނަންބަރު 2016/HC-A/384 ގަޒިއްޔާގައި ކުރި ހުކުމުގައި ހައިކޯޓުން ބުނެފައިވަނީ މުޙައްމަދު ޝަމްޢޫން ނަޞީރު ވަޒީފާއިން ވަކިކޮށްފައިވަނީ އެކަށީގެންވާ ސަބަބެއް އޮވެގެން ކަމަށާއި، އެހެންކަމުން، މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައިވާތީ މުޙައްމަދު ޝަމްޢޫން ނަޞީރު ކުރިން އަދާކުރަމުން ގެންދިޔަ ވަޒީފާއަށް އަލުން އަނބުރާ ރުޖޫއަކުރުމަށް އަމުރު ކުރެވެން ނެތް ކަމަށެވެ. ނަމަވެސް އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައިނުވާތީވެ އެކަމުގެ ބަދަލު އޭނާއަށް ހައްގުވާ ކަމަށެވެ. ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާ މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރި ކޮންމެ އަހަރަކަށް އެއް މަސްދުވަހުގެ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި އޭނާ ވަޒީފާއިން ވަކިކުރިއިރު ލިބެމުންދިޔަ ފައިސާގެ މިންވަރު ނަގައި ދިނުމަށާއި، އެގޮތުން، މުޙައްމަދު ޝަމްޢޫން ނަޞީރު މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާ އަދާކުރަން ފަށާފައިވަނީ 08 ޖުލައި 2007 ގައި ކަމަށާއި، އަދި ވަޒީފާއިން ވަކިކޮށްފައިވަނީ 14 މާރިޗު 2011 ގައި ކަމުން މުޙައްމަދު ޝަމްޢޫން ނަޞީރު މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާއަދާކުރި މުއްދަތަކީ 3 އަހަރާއި 8 މަހާއި 7 ދުވަސްކަން އެނގޭތީވެ، އޭނާ ވަޒީފާއިން ވަކިކުރިއިރު ހުރި މަގާމުގައި ލިބެމުންދިޔަ މުސާރަ އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެމުންދިޔަ ފައިސާގެ ނިސްބަތުން 3 މަސް ދުވަހަށްވާ ފައިސާއަކީ މުޙައްމަދު ޝަމްޢޫން ނަޞީރުއަށް ބަދަލުގެ ގޮތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ދޭންޖެހޭނެ ފައިސާއެއް ކަމަށެވެ.

މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުން ބެލި އެކޯޓުގެ ނަންބަރު 2016/HC-A/384 ގަޒިއްޔާ ނިންމާފައިވަނީ ގާނޫނާ އެއްގޮތަށް ނޫންކަމަށް ބުނެ މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން އެ ގަޒިއްޔާ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުން ބެލި މައްސަލައެވެ.

އިސްތިއުނާފުކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި ނުކުތާތައް

މި މައްސަލަ އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ އަންނަނިވި ނުކުތާތަކެވެ.

(ހ)އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތާ ދެކޮޅަށް ހުށަހަޅާފައިވާ ހަތަރު ހެކިންގެ ތެރެއިން މަރްޔަމް ފަރުހާދާ ވަޙީދުގެ ހެކިބަހާއި މޭރީ ޖަހާދަންގެ ހެކިބަހަކީ ހެކިބަސް ބަލައިގަތުމުގައި ބަލަންޖެހޭ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ބަލައިގެންފައިވާ ހެކިބަހެއް ކަމަށާއި، އަދި ބާކީ ތިބި ދެ ހެކިން ކަމުގައިވާ މުޙައްމަދު އަޒުމީނާއި ޙުސައިން ފަހުމީގެ ހެކިބަހުން ބިރުދެއްކުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތްކަމުގައިވާ މުޙައްމަދު ޝަމްޢޫން ނަޞީރު ކުޅަ އަމަލެއް ސާފުނުވާ ހިނދު، އެ ހެކިބަސްތަކުގެ މައްޗަށް ބުރަވެ، ސިވިލް ކޯޓުންނާއި ދިވެހިރާއްޖޭގެ ހައިކޯޓުން ހުކުމްކޮށްފައިވަނީ ހެކިންގެ އަދުލުވެރިކަމާއި، ހެކިބަސް ބަލައިގަތުމުގެ މައްޗަށްވާ ޝަރުޢީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމުގައިވުން.

(ށ)ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަމީދު ވ. ދައުލަތް ގަޒިއްޔާއިން ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކުގެ އަލީގައި ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާއަދާކުރަމުންދާ މީހަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބުދިނުމާބެހޭ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުން ސާފުކޮށް އެނގެން އޮތް އިރު، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވާ އިޚްތިސާސްގެ ބޭރުން އަދި އެ ބޯޑުން ފުރިހަމަކުރަންޖެހޭ އިޖުރާއީ ހަމަތައް ފުރިހަމަކުރުމަކާ ނުލައި ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ މުޙައްމަދު ޙަމީދު ވ. ދައުލަތް ގަޒިއްޔާއިން ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށްވުން.

(ނ) ޖިނާއީ ތުހުމަތެއް ކުރެވިގެން މީހަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ ހާއްސަ އުސޫލުތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ދައުލަތް ގަޒިއްޔާގައި ބަޔާންކޮށްފައި ވީނަމަވެސް، މި މައްސަލައިގައި ހުކުމް ކުރުމުގައި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އެއްވެސް މިންވަރަކަށް ސިވިލް ކޯޓުންނާއި ހައިކޯޓުން ރިއާޔަތްކޮށްފައި ނެތުން.

މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ބެލުން

ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުން ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ، ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއް ކޮށްފިކަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑަށް ސާބިތުވުމުގެ އިތުރަށް، އެ މީހާ ކުރި އަމަލުގެ ޒާތަށް ބަލާއިރު އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އޭގެ ސަބަބުން އެ ތަނުގެ އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ޑިސިޕްލިނަރީ ބޯޑަށް ފެނުމުންނެވެ. އެ ތުހުމަތުކުރެވޭ އަމަލުގެ ބާވަތަކީ ފުލުހުންގެ މައިގަނޑު ވާޖިބާއި މަސްއޫލިއްޔަތާ ފުށުއަރާ އަމަލެއް ކަމުގައިވާނަމަ، އެ އަމަލަކީ އޭގެ ޒާތުގައި އެހެން މުވައްޒަފުންނާއި އެ މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުން ކުރާ އިތުބާރު ކުޑަވެދާނެ ކަމެއް ކަމަށް ނުވަތަ ބުރޫއަރާފާނެ ކަމެއް ކަމަށް ބެލެވިދާނެއެވެ.

ބޯޑުގެ ކުރިމަތީގައި ހުރި ހެކި

މުޙައްމަދު ޝަމްޢޫން ނަޞީރުގެ މައްޗަށް ކުރެވިފައިވާ ތުހުމަތަކީ އޭނާ އާއި ހ. އޮށްކަފަގެ ޢަލީ ޝިމްޢާން ނަޞީރު އާއި އިތުރު ބަޔަކު 13 ފެބުރުވަރީ 2011 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. ދުނގެތިމާގެއަށް ވަދެ ވ. ފެލިދޫ، ބުލާޝަންމާގެ، މަރްޔަމް ފަރުހާދާ ވަޙީދުގެ ގައިގައި ތަޅައި މާރާމާރީ ހިންގައި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ދަރިފުޅުގެ މަންމަގެ އަތުން ދަރިފުޅު އަތުލައި ކޯޓުގެ އަމުރާ ޚިލާފުވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންނަށް އިންޒާރުދިނުމެވެ. މި ތުހުމަތުތައް ސާބިތުކުރުމަށް ހުށަހެޅިފައިވަނީ ހަތަރު ހެއްކެއްގެ ހެކިބަހެވެ.

ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވަނީ މުޙައްމަދު ޝަމްޢޫނު ނަޞީރު އާއި ހ. އޮށްކަފަގެ ޢަލީ ޝިމްޢާން ނަޞީރު އާއި އިތުރު ބަޔަކު 13 ފެބުރުވަރީ 2011 ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހ. ދުނގެތިމާގެއަށް ވަދެ ވ. ފެލިދޫ، ބުލާޝަންމާގެ، މަރްޔަމް ފަރުހާދާ ވަޙީދުގެ ގައިގައި ތަޅައި މާރާމާރީ ހިންގައި ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ދަރިފުޅުގެ މަންމަގެ އަތުން ދަރިފުޅު އަތުލައި ކޯޓުގެ އަމުރާ ޚިލާފުވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި، ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކުރި ތަހުގީގަށް ބަޔާންދީފައިވާ ހަތަރު ހެކިންގެ ހެކި ބަހަށް ބަލާއިރު، މުޙައްމަދު ޝަމްޢޫން ނަޞީރު މަރްޔަމް ފަރުހާދާ ވަޙީދުގެ ގައިގައި ތަޅައި މާރާމާރީ ހިންގި ކަމާއި، ފުލުހުންގެ ދެ މީހަކަށް އިންޒާރުދީފައިވާކަން މަރްޔަމް ފަރުހާދާ ވަޙީދުގެ ބަޔާނާއި އިންޑިއާގެ ރައްޔިތެއްކަމަށްވާ މޭރީ ޖަހާދަންގެ ބަޔާނާއި ޕޮލިސް ލާންސް ކޯޕްރަލް މުޙައްމަދު އަޒްމީން އަދި ޕޮލިސް ލާންސް ކޯޕްރަލް ޙުސައިން ފަހުމީގެ ބަޔާނުން މަދަނީ މިންގަނޑުން ސާބިތުވާ ކަމަށެވެ.

މި އިސްތިއުނާފުގެ މައްސަލައިގައި މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން ހުށަހެޅި އިސްތިއުނާފީ އެއް ނުކުތާގައި ބުނެފައިވަނީ، އިސްތިއުނާފުކުރާ ފަރާތާ ދެކޮޅަށް ހުށަހަޅާފައިވާ ހަތަރު ހެކިންގެ ތެރެއިން މަރްޔަމް ފަރުހާދާ ވަޙީދުގެ ހެކިބަހާއި މޭރީ ޖަހާދަންގެ ހެކިބަހަކީ ޝަރުޢީގޮތުންނާއި ގާނޫނީ ގޮތުން ބަލައި ނުގަނެވޭނެ ހެކިބަސްތަކެއް ކަމަށާއި، ބާކީ ތިބި ދެ ހެކިން ކަމުގައިވާ މުޙައްމަދު އަޒުމީނާއި ޙުސައިން ފަހުމީގެ ހެކިބަހުން ބިރުދެއްކުމުގެ ގޮތުން އިސްތިއުނާފުކުރާ ފަރާތްކަމުގައިވާ މުޙައްމަދު ޝަމްޢޫން ނަޞީރު ކުޅަ އަމަލެއް ސާފުނުވާކަމަށެވެ.

(ހ) މަރްޔަމް ފަރުހާދާ ވަޙީދުގެ ހެކިބަސް:

އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މަރްޔަމް ފަރުހާދާ ވަޙީދުގެ ބަޔާނަކީ ވަޒީފާއިން ވަކިކުރުމުގައި ގާނޫނީ ހަމަތަކުގެ މަތިން އިސްތިއުނާފުކުރާ ފަރާތާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކިބަހެއް ނޫންކަމަށެވެ. އެއީ މަރްޔަމް ފަރުހާދާ ވަޙީދުގެ ބަޔާން ނިންމާލަމުން އޭނާއާމެދު އެ އަމަލު ހިންގި ފަރާތްތަކާ މެދު ދައުވާ ކުރަން ބޭނުންވާ ކަމަށް ބުނެފައި އޮތުމުން އެ އަމަލުގައި އެއްވެސް ގޮތެއްގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ކޮންމެ މީހަކުމެ ވާނީ ޝަރުޢީ ހަމަތަކުގެ މަތިން ބަލާއިރު ޚަޞްމަކަށްވާތީވެ، މަރްޔަމް ފަރުހާދާ ވަޙީދުގެ ހެކިބަހަކީ އިސްތިއުނާފުކުރާ ފަރާތް އަދާކުރަމުންދިޔަ ވަޒީފާއިން ވަކިކުރުމުގައި ބޭނުންކުރެވޭނޭ ހެކިބަހެއް ނޫންކަމަށެވެ. މި ގާނޫނީ އުސޫލަކީ ސުޕްރީމް ކޯޓުން ނިންމާފައިވާ ގަޒިއްޔާއެއް ކަމަށްވާ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ގައި ކަނޑައަޅާފައިވާ އުސޫލެއް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ މި ނުކުތާގައި ހަވާލާ ދީފައިވާ ސުޕްރީމް ކޯޓުގެ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ގެ ހުކުމުގެ 7 ވަނަ ނުކުތާގެ ޕެރެގްރާފް (ޔ) ގައި ބުނެފައިވަނީ އަންނަނިވި ގޮތަށެވެ.

"މި މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، 06 އޯގަސްޓް 2010 ވަނަ ދުވަހުގެ ރޭ ގދ. ތިނަދޫ ސަކީނާ މަންޒިލް އާމިނަތު ޒިޔާދާއާމެދު ބަޔަކު އޭނާގެ ނުރުހުމުގައި، ކާރެއްގެ ތެރެއަށް ލައިގެން ހިންގިކަމަށް ބުނާ ބަދުއަޚުލާގީ އަމަލު ހިންގުމަށް ރިޝީފް ޠާހާގެ ދަށުގައި މަސައްކަތްކުރާ ބަޔަކަށް ހިތްވަރުދީ އަދި އެ އަންހެން މީހާއާމެދު އެ އަމަލު ހިންގުމަށް ޙުސައިން ރިޝީފް ޠާހާ އެ މީހުންނަށް އަންގާފައިވާކަމަށް ދައުލަތުން ދެކޭ މައިގަނޑު ސަބަބަކީ، އެ އަންހެންމީހާ ތަހުގީގަށް ދީފައިވާ ކަމަށް ބުނާ ބަޔާނުގައި، އޭނާއާމެދު އެރޭ އެ ކާރުގައި ހިންގުނު ކަމަށްބުނާ ބަދުއަޚުލާގީ އަމަލު ހިންގި މީހުންގެ ފޯނުތަކަށް މީހަކު ގުޅައި އޭނާއާމެދު އަމަލުކުރަންވީ ގޮތް ކިޔައިދީ ހަދާ ކަމަށް އެ މީހުން ދެއްކި ވާހަކަތަކުން އޭނާއަށް އެނގިފައިވާ ކަމަށް އާމިނަތު ޒިޔާދާ ގެ ބަޔާނުގައި އޭނާ ވާހަކަދައްކާފައި ވާތީ އެ ސަބަބަށްޓަކައި ކަން މައްސަލައާ ގުޅިގެން ދައުލަތުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަށް ބެލުމުން އެނގެން އޮތްއިރު، އާމިނަތު ޒިޔާދާގެ ބަޔާން ނިންމަމުން އޭނާ ބުނެފައިވަނީ އޭނާއާމެދު އެކަން ހިންގި މީހުންނާމެދު ދައުވާކުރަން އޭނާ ބޭނުންވާ ކަމަށް ކަން އެ ބަޔާނުން އެނގެން އޮތުމުން އެ އަމަލުގައި އެއްވެސް ގޮތެއްގައި ބައިވެރިވާ ކަމަށް ތުހުމަތުކުރެވޭ ކޮންމެ މީހަކުމެވާނީ ޝަރުއީ އަދި ގާނޫނީ ހަމަތަކުގެމަތިން ބަލާއިރު އޭނާގެ ޚަސްމަކަށް ކަމާއި އެހެންކަމުން އޭނާއަކީ މި މައްސަލައިގައި މުސްތަގިއްލު ހެކިވެރިއެއްކަމުގައި ބެލެވިދާނެ މީހެއްކަމަށް ނުބެލެވޭނެކަން އެނގެން އޮތުމުން އެކަމުގައި ތުހުމަތުކުރެވޭ މީހެއްގެ މައްޗަށް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން އެކަން ސާބިތުވާވަރުގެ ކާފީ ހެއްކާއި ގަރީނާ ނެތި ހަމައެކަނި އޭނާގެ އެބުނުން އެއީ އޭނާގެ ޚަސްމެއްގެ މައްޗަށް އޭނާގެ ބަޔާނުގައި ބުނެފައިވާ އަމަލު ހިންގިކަމުގެ މައްޗަށް ޝަރުއީ އަދި ގާނޫނީ ހަމަތަކުގެ މަތިން ހެކި ނުވަތަ ގަރީނާ ލިބޭނެ ބުނުމެއްކަމަށް ނުބެލެވޭނެތީ އާމިނަތު ޒިޔާދާ ގެ ބަޔާނުގައި ބުނާ އެ ވާހަކަތަކަކީ އޭނާއާމެދު ބުނެވުނު ދުވަހުގެ ރޭ ހިންގުނުކަމަށްބުނާ ބަދުއަޚުލާގީ އަމަލު ހިންގުމަށް ޙުސައިން ރިޝީފް ޠާހާގެ ދަށުގައި މަސައްކަތްކުރާ ބަޔަކަށް އެ ކަންކުރުމަށް ހިތްވަރުދީ އަދި އޭނާއާ މެދު އެ އަމަލު ހިންގުމަށް އެ މީހުންނަށް ޙުސައިން ރިޝީފް ޠާހާ އަންގާފައިވާކަމަށް ޝަރުއީ ހަމަތަކުގެ މަތިން ސާބިތުވުމު ގެ މައްޗަށް ހެކި ނުވަތަ ގަރީނާ ލިބޭނެ ވާހަކަތަކެއް ކަމުގައި ބެލެވޭނެ ޝަރުއީ އަދި ގާނޫނީ ހަމައެއް ނެތްކަން އެނގޭ ކަން."

ސުޕްރީމް ކޯޓުގެ ހަވާލާދީފައިވާ ގަޒިއްޔާގައި ސުޕްރީމް ކޯޓުން ބުނެފައިވަނީ އާމިނަތު ޒިޔާދާ އެ މައްސަލައިގައި ދީފައިވާ ބަޔާނުގައި އޭނާއާ މެދު ބަދުއަޚްލާޤީ އަމަލުތައް ހިންގި މީހުންނާ މެދު ދައުވާކުރަން ބޭނުންވާ ކަމަށް ބުނެފައި އޮތުމުން އޭނާގެ ބަހަށް ބާރުދޭ އިތުރު ހެއްކާއި ގަރީނާ ނެތި ހަމައެކަނި އޭނާގެ ބަހުގެ މައްޗަށް ކަމެއް ސާބިތުކުރުމަށް ނުފުދޭނެކަމަށެވެ. ވީމާ އަނިޔާ ލިބުނު ފަރާތުގެ ބަހަށް ބާރުދެނިވި އިތުރު ހެއްކާ ގަރީނާ ހުރެއްޖެ ނަމަ އަނިޔާ ލިބުނު ފަރާތުގެ ބަސް ގަރީނާއެއްގެ ގޮތުގައި ކަންކަން ސާބިތުކުރުމަށް ފުދޭނެކަން ސުޕްރީމް ކޯޓުގެ ހަވާލާދީފައިވާ އެޓަރނީ ޖެނެރަލްގެ އޮފީސް ވ. ޙުސައިން ރިޝީފް ޠާހާ ގެ ހުކުމުން އެނގެއެވެ.

އިސްތިއުނާފުކުރާ ފަރާތުން ފާހަގަކޮށްފައިވާ މި ނުކުތާއާ ބެހޭގޮތުން އިސްތިއުނާފުކުރެވުނު ހައިކޯޓުގެ ގަޒިއްޔާގެ ހުކުމުގައި ބުނެފައިވަނީ "މި މައްސަލައިގައި މުޙައްމަދު ޝަމްޢޫން ނަޞީރުގެ މައްޗަށް ދައުވާކުރާނެ ކަމަށް (މަރްޔަމް ފަރުހާދާ ވަޙީދު) ބުނެފައި އޮތުމުން އެކަމުގައި ހެކިބަސްދޭ ފަރާތުގެ މަސްލަހަތެއް ނުވަތަ މަންފާއެއް ނުވަތަ ފައިދާއެއް އޮތް ކަމަށް ބެލުމުގެ ފުރުސަތު ހުޅުވިފައިވާކަން އެނގޭ" ކަމަށާއި "މިފަދަ މައްސަލަތަކުގައި މަރްޔަމް ފަރުހާދާ ވަޙީދުގެ ހެކިބަސް ފުރިހަމަ ހެކިބަހެއްގެ ގޮތުގައި ގަބޫލުނުކުރެވުނު ކަމުގައިވީ ނަމަވެސް، އޭނާގެ ބަހަށް ބާރު ލިއްބައިދޭ އިތުރު ހެކި ގަރީނާ އެ މައްސަލައިގައި ހުރި ކަމުގައިވާނަމަ ގަރީނާގެ ދަރަޖައިގައި އޭނާގެ ބަސް ގަބޫލުކުރެވިދާނެ" ކަމަށެވެ. އެހެންކަމުން، އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ މި ނުކުތާއާ ގުޅޭގޮތުން ދިވެހިރާއްޖޭގެ ހައިކޯޓުގެ ހުކުމުގައި ގާނޫނު ތަތުބީގުކުރުމުގައި އައިބެއް ނުވަތަ އުނިކަމެއް ނެތްކަން އެނގެއެވެ.

(ށ) މޭރީ ޖަހާދަންގެ ހެކިބަސް:

އިސްތިއުނާފުކުރާ ފަރާތުން ބުނެފައި ވަނީ ޣައިރު މުސްލިމެއް ކަމަށްވާ މޭރީ ޖަހާދަން ގެ ހެކިބަހަށް ދަށުކޯޓުންނާއި ހައިކޯޓުން ރިއާޔަތްކޮށް އެއީ ބަދީހީ ގަރީނާއެއް ކަމަށް ބަލައިގެންފައިވަނީ ޣައިރު މުސްލިމުންގެ ހެކިބަސް ގަބޫލުނުކުރުމުގެ މައްޗަށްވާ ޝަރުޢީ އާންމު އުސޫލުތަކާ ޚިލާފަށް ކަމަށެވެ. އިތުރަށް އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ މުސްލިމަކަށްވުމަކީ ބައްޔިނާ ހުށަހެޅުމަށްވާ އެންމެ އަސާސީ އެއް ޝަރުތު ކަމަށާއި، މުސްލިމަކާ ދެކޮޅަށް މުޝްރިކަކަށް ހެކިބަސް ނުދެވޭނެ ކަމަށް ރަސޫލު ޞައްލައްﷲ ޢަލައިހި ވަސައްލަމްގެ އެތަކެއް ހަދީސް ފުޅުތަކެއް ހުރުމުން އިސްލާމީ ޝަރީއަތާ ޚިލާފަށް ނަގާފައިވާ ހެކިބަހަކަށް ރިއާޔަތްކޮށްގެން ޝަރުޢީވިޔަސް އަދި އިދާރީވިޔަސް ފިޔަވަޅެއް އެޅުން ހުއްދަވެގެން ނުވާ ކަމަށެވެ. މި ނުކުތާއަށް ޖަވާބުދެމުން އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުގެ ފަނޑިޔާރުން ވިދާޅުވެފައިވަނީ "ހެކިންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ކަނޑައެޅުމުގައި "މުސްލިމަކަށްވުން" އިސްލާމީ ފިގުހު އިލްމުވެރިން ޝަރުޠުކޮށްފައިވާ ކަމާއި، ޣައިރު މުސްލިމެއްގެ ހެކިބަސް މުސްލިމުންނާ ދެކޮޅަށް އާންމު އުސޫލެއްގެ ގޮތުން ގަބޫލުނުކުރެވޭނެ ކަމަށާއި ނަމަވެސް އިސްތިސްނާ ހާލަތްތަކުގައި މަގްބޫލު ސަބަބަކާއެކު ޣައިރު މުސްލިމުންގެ ހެކިބަސް މުސްލިމުންނާ ދެކޮޅަށް ބޭނުންކުރެވިދާނެކަން އިސްލާމީ ފިގްހުގެ ޖުމްހޫރު އިލްމުވެރިން އެއްބަސްވެފައިވާކަން އެނގޭއިރު، މި މައްސަލައިގައި ތަހުގީގަށް ބަޔާންދީފައިވާ މޭރީ ޖަހާދަން އަކީ މި މައްސަލައިގެ ހާދިސާ ހިނގި ތަނުގައި ހުރި މީހެއްކަމާއި، އޭނާއަށް އެހާދިސާ ފެނުނު ގޮތަށް ބަޔާންދީފައިވާ ކަމާއި، އޭނާގެ ބަހަކީ މި މައްސަލައިގައި ވަރަށް މުހިންމު ބަހެއް ކަމާއި، އޭނާގެ ބަސް މި މައްސަލައިގައި ގަބޫލުނުކުރެވިއްޖެ ނަމަ އެ މައްސަލައިގައި އިންސާފާ ހަމައަށް ވާސިލުވުމަށް ހުރަސްއެޅޭނެ" ކަމަށެވެ. އެހެންކަމުން މި މައްސަލައިގައި އިންސާފަށް ވާސިލުވުމުގެ ޟަރޫރަތަކަށްޓަކައި އިސްތިސްނާއީ ހާލަތެއްގެ ގޮތުގައި މޭރީ ޖަހާދަންގެ ހެކިބަސް ގަބޫލުކުރުމަށް އިސްލާމީ ޝަރީއަތް ހުރަސް ނާޅާ ކަމަށެވެ.

ދަތުރުމަތީގައި ކުރެވޭ ވަސިއްޔަތުގެ ހާލަތްތަކުގައި މުސްލިމުންގެ މައްޗަށް ޣައިރު މުސްލިމުން ދޭ ހެކިބަސް ޟަރޫރަތަކަށްޓަކައި ނެގިދާނެކަން އަލް-މާއިދާ ސޫރަތުގެ 106 ވަނަ އާޔަތުން ދޭހަވާއިރު އެ ހުކުމުގެ މަގްސަދަށް ބަލައި ދަތުރުގެ ހާލަތްތައް ފިޔަވައި އެ ނޫން ޟަރޫރީ ހާލަތްތަކުގައި ވެސް މުސްލިމުންގެ މައްޗަށް ޣައިރު މުސްލިމުންދޭ ހެކިބަސް ގަބޫލުކުރެވޭތީވެ ޟަރޫރަތަކަށްވާ ކޮންމެ ހާލަތެއްގައި މުސްލިމުންގެ މައްޗަށް ޣައިރު މުސްލިމުން ދޭ ހެކިބަހަކީ ގަބޫލުކުރެވިދާނޭ ހެކިބަހެއް ކަމަށްވުމުން، އިސްތިސްނާއީ ހާލަތެއްގެ ގޮތުގައި މޭރީ ޖަހާދަންގެ ހެކިބަސް ގަބޫލުކުރެވޭނެ ކަމަށް އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގައި ފާހަގަކުރައްވާފައިވާ ފާހާގަކުރުމަށް ތާއީދުކުރެވެއެވެ.

އެހެން ދައުލަތްތަކެކޭ އެއްފަދައިން، ދިވެހިރާއްޖޭގެ ހާލަތު ވެސް ވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. ވަރަށް ގިނަ މުސްލިމުން ޣައިރުމުސްލިމް ގައުމުތަކުގައި ދިރިއުޅެއެވެ. އަދި ވަރަށް ގިނަ ޣައިރު މުސްލިމުން މުސްލިމް ގައުމުތަކުގައި ދިރިއުޅެއެވެ. އަދި ބައިނަލްއަގްވާމީ މުއާހަދާތަކުގެ ދަށުންނާއި، ގައުމުތަކުގެ ގާނޫނުއަސާސީތަކުން ލާޒިމްކުރާ ގޮތުން އެ ގައުމެއްގައި ދިރިއުޅޭ ކޮންމެ މީހަކަށް، ހަމަހަމަކަމާ އެކު އެމީހެއްގެ ހައްގު އެހެން ދައުލަތްތަކުގައި ވެސް ދޭ ބީދައިން ރައްދުކޮށް އަދި އެ ހައްގުތައް ހިމާޔަތް ކޮށްދޭންޖެހެއެވެ. މުސްލިމް ގައުމުތަކުން ވެސް ވަނީ އިންސާނީ ހައްގުތަކާބެހޭ މުއާހަދާތަކުގައި ސޮއިކޮށް، މުސްލިމުންނާއި ޣައިރު މުސްލިމުން ވީވަރަކުން އިސްލާމީ ޝަރީއަތުގެ ގިއުގަނޑުގެ ތެރޭގައި ތަފާތު ނުކުރުމަށް އެއްބަސް ވެފައެވެ. އެހެންކަމުން ހައްދުގެ ކުށްތަކުގައި ފިޔަވައި ޣައިރު މުސްލިމަކަށް އެކަކު އަނެކަކާ ދެކޮޅަށް ނުވަތަ އެއްކޮޅަށް ހެކިބަސް ނުދެވޭނެ ކަމަށް ބެލުމަކީ ކުރެވޭނެ ކަމެއް ނޫނެވެ. އިބްނު ތައިމިއްޔާ އާއި އިބްނު އަލްގައްޔިމް ދެކެވަޑައިގަންނަވާ ގޮތުގައި މުސްލިމް ހެއްކަކު ނެތް ތަނެއްގައި ޣައިރު މުސްލިމުންގެ ހެކިބަސް ގަބޫލުކުރެވޭނެއެވެ.

(ނ) މުޙައްމަދު އަޒްމީން އާއި ޙުސައިން ފަހުމީގެ ހެކިބަސް:

ދެ ފުލުހުން ކަމުގައިވާ މުޙައްމަދު އަޒުމީނާއި ޙުސައިން ފަހުމީ ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާނުގައި ދީފައިވާ ހެކިބަހާބެހޭ ގޮތުން އިސްތިއުނާފުކުރާ ފަރާތުން ބުނެފައިވަނީ ބިރުދެއްކުމުގެ ގޮތުން ސީދާ އިސްތިއުނާފުކުރާ ފަރާތުން ކުރިކަމެއް ނުވަތަ ބަހެއް ވިޔަސް މި ދެ ހެކިވެރިން ފުލުހުންނަށް ދީފައިވާ ބަޔާނުން އެނގެން ނެތް ކަމަށް ވާތީވެ، މި ދެ ހެކިންގެ ހެކިބަހަކީ އިސްތިއުނާފުކުރާ ފަރާތާ ދެކޮޅަށް އިދާރީ ނިންމުމެއް ނިންމަން ފުދޭ ހެކިބަހެއް ނޫންކަމަށެވެ. އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ ހުކުމުގެ 3 ވަނަ ނަންބަރުގެ (ރ) ގައި ހައިކޯޓުގެ ފަނޑިޔާރުން ބުނެފައިވަނީ މި ދެ ފުލުހުންނަކީ ހާދިސާ ހިނގިތަނުގައި ތިބެ އެތަން ދުށް މީހުން ކަމަށާއި އެ ދެ ފުލުހުން ކޯޓަށް ހާޒިރުކޮށް ބަޔާން ނުނެގުމަކީ މި މައްސަލަ ބެލުމުގައި ދަށުކޯޓުން ހަދާފައިވާ އިޖުރާއީ ގޯހެއް ނޫން ކަމަށެވެ. މި ދެ މީހުންގެ ބަޔާނަށް ބަލާއިރު މި ދެ މީހުން ބުނެފައިވަނީ އިސްތިއުނާފުކުރާ ފަރާތުގެ ކޮއްކޮ ޢަލީ ޝިމްޢާން ނަޞީރު ތަފާތު އެކި ބަސްތައް ފުލުހުންނަށް ނިސްބަތްކުރަމުން ދިޔަކަމަށެވެ.

އިސްވެ ބަޔާންކުރެވުނު ހެކީން މޯލްޑިވްސް ޕޮލިސްއަށް ދީފައިވާ ބަޔާންތަކުން އެނގެނީ އިސްތިއުނާފުކުރާ ފަރާތުގެ ކޮއްކޮ ޢަލީ ޝިމްޢާން ނަޞީރު އާއި ވ. ފެލިދޫ، ބުލާޝަންމާގެ، މަރްޔަމް ފަރުހާދާ ވަޙީދުއާ ކާވެނިކޮށްގެން 1 އަހަރުގެ ކުއްޖަކު މި ހާދިސާ ހިނގިއިރު ހުރިކަމަށާއި 18 ފެބުރުވަރީ 2010 ގައި އާއިލާއާބެހޭ ކޯޓުން މި ބުނެވުނު ދެ މީހުން ވަރިވެފައިވާކަން އެނގެއެވެ. ހަމަ އެދުވަހު އާއިލާއާބެހޭ ކޯޓުން ނެރެފައިވާ އަމުރަކުން އެ ކުއްޖާ ބެލުން އެ ކުއްޖާގެ މަންމަ ކަމުގައިވާ މަރްޔަމް ފަރުހާދާ ވަޙީދުއާ ހަވާލުކޮށްފައިވެއެވެ. އެފަހުން މަރްޔަމް ފަރުހާދާ ވަޙީދު އެ ކުއްޖާ ބަލަމުން ދިޔަ ދުވަސްވަރު މަރްޔަމް ފަރުހާދާ ވަޙީދު ރަށުން ބޭރަށް ޗުއްޓީއަކަށް ގޮސްފައިވަނިކޮށް މަރިޔަމް ފަރުހާދާ ވަޙީދު ގާތުގައި ނުބުނެ ޢަލީ ޝިމްޢާން ނަޞީރު އެ ކުއްޖާ ނަގައިގެން ގޮސްފައިވެއެވެ. އަދި އެފަހުން 12 ދުވަސްފަހުން މަރްޔަމް ފަރުހާދާ ވަޙީދު އެދިގެން އޭނާ ދިރިއުޅޭ ހ. ދުނގެތިމާގެއަށް ދަރިފުޅު ގެނެސް ދިނުމުން މަރްޔަމް ފަރުހާދާ ވަޙީދު އެ ކުއްޖާ ހިފެހެއްޓިއެވެ. އަދި 2011 ފެބުރުވަރީ 13 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ފުލުހުން މަރްޔަމް ފަރުހާދާ ވަޙީދު އުޅޭ ގެއަށްގޮސް މަރްޔަމް ފަރުހާދާ ވަޙީދު ފުލުސް އޮފީހަށް ގެންދިޔައެވެ. އަދި ފުލުހުން ގަޒިއްޔާގެ ރިޕޯޓު ބެލުމަށްފަހު މަރްޔަމް ފަރުހާދާ ވަޙީދުއާ ދަރިފުޅު ހަވާލުކުރިއެވެ. އޭގެ ފަހުން ފުލުހުންގެ ކާރުގައި ފުލުހުންނާއެކު މަރްޔަމް ފަރުހާދާ ވަޙީދު ދިރިއުޅޭ ހ. ދުނގެތިމާގެއަށް ދިޔައިރު ޢަލީ ޝިމްޢާން ނަޞީރު އާއި އޭނާގެ ބޭބެ މުޙައްމަދު ޝަމްޢޫން ނަޞީރު އާއި އަދި އިތުރު 3 މީހުން ހ. ދުނގެތިމާގޭގެ ކައިރީގައި ތިއްބެވެ. ދަރިފުޅު އުރާލަންކަމަށް ބުނެ ޢަލީ ޝިމްޢާން ނަޞީރު މަރްޔަމް ފަރުހާދާ ވަޙީދުއާ އެކު އެގެއަށް ވަނުމުން، ދެން އެ ތަނުގައި ތިބި މުޙައްމަދު ޝަމްޢޫން ނަޞީރު އާއި އަދި އިތުރު 3 މީހުން ވެސް އެ މީހުންގެ ފަހަތުން އެގެއަށް ވަނެވެ. އަދި ޢަލީ ޝިމްޢާން ނަޞީރު ދަރިފުޅު އުރުމުން މުޙައްމަދު ޝަމްޢޫން ނަޞީރު އާއި އަދި އިތުރު 3 މީހުން މަރްޔަމް ފަރުހާދާ ވަޙީދުގެ ގައިގައި ހިފަހައްޓައި، ކަރުގައި ހިފައި، އިންޒާރުދީ، މާރާމާރީ ހިންގާފައިވާ ކަމަށް މަރްޔަމް ފަރުހާދާ ވަޙީދުގެ ބަޔާނުގައި ބުނެފައިވެއެވެ. އަދި އެ ބަޔާނުގައި ބުނެފައިވާ ކަންކަން އެހެން ހިނގާފައިވާ ކަމާއި މުޙައްމަދު ޝަމްޢޫން ނަޞީރު މަރްޔަމް ފަރުހާދާ ވަޙީދުގެ ގައިގައި ހިފަހައްޓައި ކަރުގައި ހިފައި މަރްޔަމް ފަރުހާދާ ވަޙީދުއަށް އަނިޔާކޮށް މޭޒެއްގެ މައްޗަށް ވައްޓާލާފައި މުޙައްމަދު ޝަމްޢޫން ނަޞީރު ދިޔައީކަމަށް އެ ގޭގައި އެވަގުތު ހުރި މޭރީ ޖަހާދަން ދިން ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން، މުޙައްމަދު ޝަމްޢޫން ނަޞީރު އެގެއަށް ވަދެ މަރްޔަމް ފަރުހާދާ ވަޙީދުގެ ގައިގައި ގަދަކަމުން ހިފަހައްޓައި ކޯޓުގެ އަމުރާ ޚިލާފުވެ ކުޑަކުއްޖެއްގެ ކަރާމާތަށް ގެއްލުންވާ ގޮތަށް ދަރިފުޅުގެ މަންމަގެ އަތުން ދަރިފުޅު އަތުލުމުގައި ބައިވެރިވެފައިވާ ކަމާއި ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި ފުލުހުންނަށް އިންޒާރު ދީފައިވާކަން، އިސްވެ ބަޔާންކުރެވުނު ހެކީންގެ ބަޔާންތަކުގައިވާ ވާހަކަތަކުން ގަބޫލުކުރެވެއެވެ.

މި މައްސަލައިގައި މުޙައްމަދު ޝަމްޢޫނު ނަޞީރު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް ބޯޑުން ނިންމިއިރު ބޯޑުގެ ކުރިމަތީގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު އަމަލުތައް އޭނާ ކުރިކަމަށް ބޮޑަށް ގަބޫލުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ގަބޫލުކުރެވެއެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު އަމަލުތަކުގެ ޒާތަށް ބަލާއިރު އެ އަމަލުތަކަކީ ފުލުހެއްގެ ކިބައިން ފެނިގެންވާނެ ކަންތައްތަކެއް ނޫނެވެ. އަދި އެ އަމަލުތަކަކީ އެ އަމަލުތަކުގެ ސަބަބުން، އެފަދަ މީހަކު އިތުރަށް ފުލުހުންގެ ވަޒީފާގައި ބަހައްޓައިފިނަމަ އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއްކަމަށް ގަބޫލުކުރެވެއެވެ.

ވީމާ، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/384 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ނިންމާފައިވާ ފަދައިން، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން ގާނޫނީ ގޮތުން ޑިސިޕްލިނަރީ ބޯޑުން ގާއިމުކުރަންޖެހޭ މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައިވާ ކަމަށް ގަބޫލުކުރެވެއެވެ.

އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވޭތޯ ބެލުން

މި ގަޒިއްޔާގައި އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަމީދު ވ. ދައުލަތް ގަޒިއްޔާއިން ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކުގެ އަލީގައި ޖިނާއީ މައްސަލައެއްގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގައި ވަޒީފާއަދާކުރަމުންދާ މީހަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ އިޖުރާއަތުތައް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެކުށްތަކަށް އަދަބުދިނުމާބެހޭ ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުން ސާފުކޮށް އެނގެން އޮތް އިރު، އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވަނީ ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވާ އިޚްތިސާސްގެ ބޭރުން އަދި އެ ބޯޑުން ފުރިހަމަކުރަންޖެހޭ އިޖުރާއީ ހަމަތައް ފުރިހަމަކުރުމަކާ ނުލައި ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަމީދު ވ. ދައުލަތް ގަޒިއްޔާއިން ކަނޑައަޅާފައިވާ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ބުނެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރުން ފެށިގެން (20) ވަނަ ނަންބަރުގެ ނިޔަލަށް ބަޔާންކޮށްފައިވަނީ ޖިނާއީ ކުށްތައް ނުހިމެނޭ މުޅިން ޑިސިޕްލިނަރީ ކުށްތައް ކަމަށްވާތީ، ޖިނާއީ ކުށަކާބެހޭ ގޮތުން ފުލުހެއްގެ މައްޗަށް ހިނގޭ ތަހުގީގަކަށް ސާބިތުވާ ކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ފުލުހަކު ވަޒީފާއިން ވަކިކުރުން ފަދަ ނިންމުމެއް ނިންމުމުގެ ބާރު ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީއަށް ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަމީދު ވ. ދައުލަތް ގަޒިއްޔާގެ ހުކުމުގެ 4 ގެ (ބ) ގައި ކަނޑައަޅާފައިވާ ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަމީދު ވ. ދައުލަތް ގަޒިއްޔާގެ ވާގިއާތަކާއި އެއްގޮތަށް މުޙައްމަދު ޝަމްޢޫން ނަޞީރުގެ މައްޗަށް ޖިނާއީ ކުށަކާ ގުޅޭގޮތުން ހިންގާފައިވާ ތަހުގީގެއްގެ މައްޗަށް ތައްޔާރުކުރެވިފައިވާ ޑިސިޕްލިނަރީ ބޯޑުގެ ނިންމުމުގެ މައްޗަށް ބަލައި މުޙައްމަދު ޝަމްޢޫން ނަޞީރު ފުލުހުންގެ ވަޒީފާއިން ވަކިކުރުމަށް އެ ބޯޑުން ނިންމާފައިވަނީ އެ ބޯޑަށް ލިބިފައިވާ ގާނޫނީ ބާރުގެ ދާއިރާއިން ބޭރުން ކަމަށެވެ. އަދި މުޙައްމަދު ޝަމްޢޫން ނަޞީރުގެ މައްޗަށް ތުހުމަތުކުރެވުނު މައްސަލައިގައި ޖިނާއީ ތަހުގީގުކުރެވޭ މިންވަރަށް ހެކި ލިބިފައި ނެތް ކަމަށް ފްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/INDIV/2012/205 ސިޓީގައި ބަޔާންކޮށްފައިވާ ކަމަށް އިސްތިއުނާފުކުރާ މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން ބުނެފައިވެއެވެ.

ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) އަށް ބެލުމުން އެނގެނީ ފުލުހަކު ވަޒީފާއިން ވަކިކުރެވޭނީ ދެ ކަމެއް ފުރިހަމަވެގެން ކަމާއި އެ ތަނުން އެއް ކަމަކީ ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވުން ކަމާއި؛ ދެވަނަ ކަމަކީ ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވާ އެ އަމަލަކީ އެ އަމަލުގެ ސަބަބުން، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއްކަމަށް ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ އަދަބު ކަނޑައަޅާ ބޯޑަށް ނުވަތަ ކޮމިޓީއަށް ފެނުމުން ކަމެވެ. ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައި ހަވާލާދީފައިވާ ގަވާއިދާ ޚިލާފު އަމަލުތަކުގެ ތެރޭގައި ފުލުހުންގެ އެންމެހައި ގަވާއިދުތަކާއި ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓާއި ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތުތަކާއި އުސޫލުތައް ހިމެނެއެވެ.

ފުލުހަކު ވަޒީފާއިން ވަކިކުރުމުގެ މައްޗަށް ހިނގަނީ ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ގާނޫނު ގައި ބަޔާންކޮށްފައިވާ އާންމު ހަމަތަކާއި މިންގަނޑުތައް ނޫންކަން އެނގެއެވެ. އެގޮތުން ފުލުހުންނަކީ، ހުވައެއް މަތީގައި ތިބެ، ގާނޫނު ތަންފީޒުކޮށް އަމަން ބަލަހައްޓާ މުއައްސަސާއެއްގައި މަސައްކަތްކުރާ ބަޔަކު ކަމަށްވާތީ، ގާނޫނު ތަންފީޒުކުރުމާއި އަމަން ބެލެހެއްޓުމާ ގުޅޭކަންކަމުގައި ފުލުހުންގެ މުއައްސަސާއަށް އެއްބާރުލުން ދިނުމާއި ތެދުވެރިވުމަކީ، ކޮންމެ ފުލުހެއްގެ އަސާސީ ވާޖިބުކަމަށްވާއިރު، އެ ވާޖިބާ ފުށުއަރާ ފަދަ ގޮތަކަށް ފުލުހެއްގެ އަމަލު ހުރެއްޖެނަމަ، އެކަމުގެ ސަބަބުން މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރަށް ބުރޫ އެރުމަކީ އެކަށީގެންވާކަމެއް ކަމަށްވާތީވެ، ފުލުހުންގެ ގަވާއިދުތަކާއި ކޯޑް އޮފް ކޮންޑަކްޓާ ޚިލާފުވެފައިވޭތޯ ބެލުމުގައި ރިއާޔަތްކުރާނޭ ސާބިތުކުރުމުގެ މިންގަނޑު ވަޒީފާއާބެހޭ އާންމު ގާނޫނުގެ ދަށުން ރިއާޔަތްކުރާ ކުރާ ސާބިތުކުރުމުގެ މިންގަނޑަށްވުރެ ލުއިވާންޖެހޭނެ ކަމަށް ގަބޫލުކުރެވެއެވެ.

ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެމަތިން ފުލުހަކު ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ފުލުހުންގެ ތަހުގީގަށް ސާބިތުވެފައިވޭތޯ ބެލުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުގެ މަސްއޫލިއްޔަތަކީ، ފިޔަވަޅު އެޅުމަށް އެކަށޭނަ ހެކި ހުރިތޯ ވަޒަންކުރުމެވެ.

ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ ދަށުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ ބޯޑުން ފުލުހަކު ވަޒީފާއިން ވަކިކޮށްފައިވާ މައްސަލައެއް ކޯޓަށް ހުށަހެޅިއްޖެނަމަ، ފުރަތަމަ، ކޯޓުން ބަލަންވާނީ އެ ބޯޑަށް އެކަން ސާބިތުވާ ކަމަށް ނިންމުމަށް ބޯޑަށް ބުރަވެވުނު ބުރަވުން ބިނާވާ އެކަށޭނަ ހެއްކެއް އެ ބޯޑުގެ ކުރިމަތީގައި އެވަގުތު އޮތްތޯ ނުވަތަ ނޫންތޯއެވެ. ދެވަނަ ކަމަކަށް ކޯޓުން ބަލަންވާނީ ވަޒީފާއިން ވަކިކުރެވުނު މީހާ ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮތްކަމަށް އެ ބޯޑަށް ގަބޫލުކުރެވުނު ސަބަބުތަކުގެ ހަގީގަތް ދެނެގަތުމަށް އެ ބޯޑުން އެކަށީގެންވާ މިންވަރެއްގެ ތަހުގީގެއް ކޮށްފައިވޭތޯއެވެ.

ފުލުހަކު ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައިވާ ކަމަށް ބެލެވޭނީ އެންމެ ކުޑަމިނުން، އެ ފުލުހަކު ވަކިކުރުމުގެ ކުރިން ގާނޫނާއި ނުވަތަ ގަވާއިދާއި ނުވަތަ ކޯޑް އޮފް ކޮންޑަކްޓާއި ނުވަތަ ފުލުހުން އަމަލުކުރަންޖެހޭ އިޖުރާއަތަކާއި ނުވަތަ އުސޫލަކާ ޚިލާފުވެއްޖެ ކަމަށް ފެންނަ ސަބަބުތައް (އޭރަކު ދެވެން ހުންނަ ތަފްސީލާއެކު) އެ ފުލުހަކަށް އެންގުމަށްފަހު، އެ ކަންކަމާ މެދު ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކުގެ މައްސަލަތައް ބަލާ ބޯޑުން ނުވަތަ ކޮމިޓީއިން އެ ފުލުހަކަށް އެ ކަންކަމާބެހޭ ގޮތުން ބޯޑުގެ ނުވަތަ ކޮމިޓީގެ ކުރިމަތީގައި ޖަވާބުދާރީވުމުގެ ފުރުސަތު ދީފައިވާ ނަމައެވެ. މީގެ އިތުރުން އެ ފުލުހަކު ވަޒީފާއިން ވަކިކުރުމަށް ނުވަތަ އެ ނޫން ވެސް ތައުދީބީ ފިޔަވަޅެއް އަޅަން ބޯޑުން ނުވަތަ ކޮމިޓީއިން ނިންމައިފިނަމަ، ބޯޑުން ނުވަތަ ކޮމިޓީއިން ނިންމި ނިންމުން ލިޔުމަކުން އެ ފުލުހަކަށް ރައްދުކުރަންވާނެ އެވެ. ބޯޑުން ނުވަތަ ކޮމިޓީއިން ނިންމާ ނިންމުމުގައި ބޯޑުގެ ނުވަތަ ކޮމިޓީގެ ނިންމުން ބިނާކުރި ސަބަބުތައް ބަޔާންކުރަންވާނެއެވެ.

ޑިސިޕްލިނަރީ ބޯޑުން މައްސަލަ ބެލުމުގައި، އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ޖިނާއީ ކުށެއްގެ ތުހުމަތުކުރެވިގެން އެ ތުހުމަތުގެ މައްޗަށް ކުރެވިފައިވާ ޖިނާއީ ތަހުގީގުގައި ނެގިފައިވާ ތަހުގީގީ ބަޔާންތަކާއި ހޯދާފައިވާ އެހެނިހެން ހެކިތަކުގެ މައްޗަށް ބަލައި އެ ފުލުހަކު ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދުގެ 24 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ގާނޫނާއި ނުވަތަ ގަވާއިދާ ޚިލާފު އަމަލެއްކޮށްފިކަން ނުވަތަ ނޫންކަން ނުވަތަ ޣައިރުސުލޫކީ އަމަލެއްކޮށްފިކަން ނުވަތަ ނޫންކަން ކަނޑައަޅައި، އެ ފުލުހެއްގެ މައްޗަށް ވަޒީފާއިން ވަކުކުރުން ނުވަތަ އެ ނޫން ވެސް ސުލޫކީ ފިޔަވަޅެއް އަޅަން އެ ބޯޑަށް ބުރަވެވޭނަމަ އެ ފަދަ ފިޔަވަޅުތައް އެޅުމުގެ އިޚްތިޔާރު ޑިސިޕްލިނަރީ ބޯޑަށް ލިބިގެންވެއެވެ. ނުވަތަ އެ ބޯޑުން އެގޮތަށް ނިންމައިފިނަމަ އެ ބޯޑުން ކަނޑައަޅާ ގޮތަކަށް އެ ތުހުމަތުތަކާބެހޭ ވަކި ތަހުގީގެއް ސީދާ އެ ބޯޑުން ހިންގުމުގެ އިޚްތިޔާރު ބޯޑަށް ލިބިގެންވެއެވެ. މި ދެގޮތުންކުރެ ކޮންމެ ގޮތަކަށް ޑިސިޕްލިނަރީ ބޯޑުން ހެކި ހޯދިނަމަވެސް އެންމެ މުހިންމު ކަމަކީ އެ ބޯޑުގެ ކުރިމައްޗަށް ތުހުމަތުކުރެވޭ މީހާ ހާޒިރުކޮށް އެ ތުހުމަތުތައް އޭނާއަށް އަންގައި އެ ތުހުމަތުތަކަށް ޖަވާބުދޭން އެކަށީގެންވާ ފުރުސަތު އެ މީހަކަށް ދިނުމެވެ. މި ސަބަބަށްޓަކައި، "ޖިނާއީ ކުށަކާބެހޭ ގޮތުން ފުލުހެއްގެ މައްޗަށް ހިންގޭ ތަހުގީގަކަށް ސާބިތުވާ ކަމަށް ޑިސިޕްލިނަރީ ބޯޑުން ނިންމާފައިވާ ނިންމުމެއްގެ މައްޗަށް ބިނާކޮށް ފުލުހަކު ވަޒީފާއިން ވަކިކުރުން ފަދަ ނިންމުމެއް ނިންމުމުގެ ބާރު ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކަށް އަދަބު ކަނޑައަޅާ ބޯޑު ނުވަތަ ކޮމިޓީއަށް ލިބިގެންނުވާ ކަމަށް" ސުޕްރީމް ކޯޓުގެ މުޙައްމަދު ޙަމީދު ވ. ދައުލަތް ގަޒިއްޔާގެ ހުކުމުގެ 4 ގެ (ބ) ގައި ކަނޑައަޅާފައިވާ ކަނޑައެޅުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިސިޕްލިނަރީ އަދި އިދާރީ ކުށްތަކާއި އެ ކުށްތަކަށް އަދަބު ދިނުމާބެހޭ ގަވާއިދުގެ 7 ވަނަ މާއްދާ މާނަކޮށްފައިވަނީ ރަނގަޅު ހަމައެއްގެ މައްޗަށް ބިނާކޮށް ކަމަށް ގަބޫލުނުކުރެވެއެވެ.

މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމަށް ޑިސޕްލިންރީ ބޯޑުން ނިންމިއިރު ބޯޑުގެ ކުރިމަތީގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވުނު އަމަލުތައް އޭނާ ކުރިކަމަށް ބޮޑަށް ގަބޫލުކުރެވޭ މިންވަރަށް ހެކި ހުރިކަމަށް ގަބޫލުކުރެވެއެވެ. މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތުގެ މައްޗަށް ތުހުމަތު ކުރެވުނު އަމަލުތަކުގެ ޒާތަށް ބަލާއިރު އަމަލުތަކަކީ އެ އަމަލުތަކުގެ ސަބަބުން، އެފަދަ މީހަކު އިތުރަށް ވަޒީފާގައި ބަހައްޓައިފިނަމަ އެހެން މުވައްޒަފުންނާއި މުއައްސަސާގެ މައްޗަށް އާންމު ރައްޔިތުންކުރާ އިތުބާރު ކުޑަވެދާނެ ނުވަތަ ބުރޫ އަރާފާނެ ކަމެއްކަމަށް ގަބޫލުކުރެވޭ ފަދަ އަމަލުތަކެކެވެ. އެފަދަ ހެކި އެ ބޯޑުގެ ކުރިމަތީގައި ހުރިނަމަވެސް އެ ފުލުހަކު އެ ބޯޑުގެ ކުރިމައްޗަށް ހާޒިރުކޮށް އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތައް އޭނާއަށް އަންގައި އެ ތުހުމަތުތަކަށް ޖަވާބުދާރީ ވުމަށް އެކަށީގެންވާ ފުރުސަތު ދޭންވާނެއެވެ. ނޫންނަމަ އޭނާ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައިވާ ކަމަށް ނުބެލެވޭނެއެވެ.

ވީމާ، އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/384 ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުން ނިންމާފައިވާ ގޮތަށް، މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު އިސްތިއުނާފުކުރާ ފަރާތް ޑިސިޕްލިނަރީ ބޯޑުގެ ކުރިމައްޗަށް ހާޒިރުކޮށް އޭނާގެ މައްޗަށް ހުރި ތުހުމަތުތަކަކީ ކޮބައިކަން އޭނާއަށް އަންގައި އެ ތުހުމަތުތަކަށް ބޯޑުގެ ކުރިމަތީގައި ޖަވާބުދިނުމުގެ ފުރުސަތު ދީފައިނުވާތީވެ، މި މައްސަލައިގައި އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކުރުމުގެ ކުރިން ގާނޫނީ ގޮތުން ޑިސިޕްލިނަރީ ބޯޑުން ގާއިމުކުރަންޖެހޭ އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައެއް ނެތެވެ.

ޑަބަލް ޖެޕަޑީގެ މަފްހޫމް

މި ގަޒިއްޔާގައި އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާ އިސްތިއުނާފުކުރުމަށް މުޙައްމަދު ޝަމްޢޫން ނަޞީރުގެ ފަރާތުން ހުށަހެޅި ދެވަނަ ނުކުތާގައި ބުނެފައިވަނީ، ޖިނާއީ ތުހުމަތެއް ކުރެވިގެން މީހަކު ވަޒީފާއިން ވަކިކުރުމުގައި އަމަލުކުރަންޖެހޭ ހާއްސަ އުސޫލުތަކެއް މުޙައްމަދު ފަހުމީ ޙަސަން ވ. ދައުލަތް ގަޒިއްޔާގައި ބަޔާންކޮށްފައިވީ ނަމަވެސް، މި މައްސަލައިގައި ހުކުމްކުރުމުގައި އެ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަށް އެއްވެސް މިންވަރަކަށް ސިވިލް ކޯޓުންނާއި ހައިކޯޓުން ރިއާޔަތްކޮށްފައި ނެތް ކަމަށެވެ.

އިސްތިއުނާފުކުރާ ފަރާތުގެ މި ނުކުތާ އިތުރަށް ތަފްސީލުކޮށްދެމުން ބުނެފައިވަނީ މުޙައްމަދު ފަހުމީ ޙަސަން ވ. ދައުލަތް ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ (މ) ގައި ބަޔާންކޮށްފައިވަނީ އެއްވެސް ޖިނާއީ ކުށެއްގެ ތުހުމަތުގައިވާ މީހަކަށް ޝަރުއީ ކޯޓަކުން ގާޒީއަކު ކުރާ ހުކުމެއްގެ މައްޗަށް މެނުވީ އެ ކުށަކަށް އަދަބެއް ނުދެވޭނެކަން އަދި ކުށެއް ސާބިތުނުވިނަމަ އަބުރާ އިއްޒަތާއެކު މުއްތަހަމް ކުށުން ބަރީއަވެގެންވާކަން ކަނޑައެޅުމުގެ ހައްގަކީ ދުސްތޫރީ ގޮތުން ޔަގީންކުރެވިފައިވާ ހައްގެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފައިވާ ކަމަށެވެ. އަދި އިސްތިއުނާފުކުރެވޭ މި މައްސަލައަށް ބަލާއިރު އިސްތިއުނާފުކުރާ ޖިނާއީ ތުހުމަތުގެ މައްސަލަ ޝަރީއަތަށް ހުށަހެޅޭ ވަރަށް ހެއްކާއި ގަރީނާ ނެތުމުގެ ސަބަބުން އެ މައްސަލަ ފައިލްކުރެވިފައިވާކަން ފްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ނަންބަރު 196-A/INDIV/2012/205 ސިޓީއިން އެނގޭ ކަމަށެވެ. އެހެންކަމުން މިއީ ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ދައުލަތް ގަޒިއްޔާގެ ހުކުމުގެ ފާހަގަކުރެވޭ ނުކުތާތަކުގެ (މ) ގައި ބަޔާންކޮށްފައިވާ ފަދަ ހާލަތެއް ކަމަށެވެ. މި މައްސަލަ މިގޮތަށް ޕްރޮސިކިއުޓަރ ޖެނެރަލް ނިންމާފައި އޮތް އިރު ހަމަ އެ ތުހުމަތުގެ މައްޗަށް ބިނާކޮށް ޖިނާއީ އަދުލުގެ ނިޒާމުން ބޭރުން ވަޒީފާގެ ދާއިރާގެ ތެރެއިން މުޙައްމަދު ޝަމްޢޫން ނަޞީރުގެ މައްޗަށް ފިޔަވަޅު އެޅުމަކީ ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ދައުލަތް ގަޒިއްޔާއިން ކަނޑައަޅާފައިވާ ޑަބަލް ޖެޕަޑީގެ މަފްހޫމުގެ ތެރެއަށް ވަދެގެންދާ ކަމެއްކަމަށް ދެކޭ ކަމަށެވެ. އެއީ ޖިނާއީ ތުހުމަތެއްގައި ދައުވާކުރެވޭނެ މިންވަރަށް ވެސް ހެކި ނެތި އަދި އެ ތުހުމަތުން މުޙައްމަދު ޝަމްޢޫން ނަޞީރު ބަރީއަ ވެގެންވާކަން އެނގެން އޮތް އިރު ހަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށްކަމަށް ބުނެ ވަޒީފާގެ ދާއިރާގެ ތެރެއިން ފިޔަވަޅު އެޅުމަކީ ގާނޫނީ ހަމަތަކުގެ ބޭރުން ކޮށްފައިވާ ކަމެއް ކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުގެ މި ނުކުތާ ބިނާކޮށްފައިވަނީ ގާނޫނީ ގޮތުން ސައްހަ ހަމަތަކެއްގެ މައްޗަށް ކަމަށް ގަބޫލު ނުކުރެވެއެވެ. އިސްތިއުނާފުކުރާ ފަރާތުގެ މި ނުކުތާ ބިނާކޮށްފައިވަނީ ގާނޫނީ ގޮތުން ސައްހަ ހަމަތަކެއްގެ މައްޗަށް ކަމަށް ގަބޫލު ނުކުރެވޭ ސަބަބުތައް ތިރީގައި މި ބަޔާންކުރަނީއެވެ.

(ހ) ފުރަތަމަ ސަބަބަކީ އިސްތިއުނާފުކުރެވޭ ހައިކޯޓުގެ ގަޒިއްޔާގެ ހުކުމުގައި ހައިކޯޓުގެ ފަނޑިޔާރުން ފާހަގަކޮށްފައިވާ ފަދައިން ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ދައުލަތް ގަޒިއްޔާގައި ހިމެނޭ މައްސަލައަކީ ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ މަގާމަކަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފައިވާ މީހަކު ރައްޔިތުންގެ މަޖިލީހުން ވަކިކޮށްފައިވަނީ ގާނޫނުއަސާސީއާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުން ބަޔާންކޮށް ނިންމާފައިވާ ދުސްތޫރީ މައްސަލައެއް ކަމަށްވާއިރު އެ މައްސަލަ ބަލައި ހުކުމް ކުރުމުގައި ވަޒީފާއާބެހޭ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ގާނޫނަކަށް ނުވަތަ ގަވާއިދަކަށް ރިއާޔަތްކޮށްފައި ނުވާއިރު، އިސްތިއުނާފުކުރެވިފައިވާ މި މައްސަލައަކީ މުޙައްމަދު ޝަމްޢޫން ނަޞީރު ފުލުހުންގެ ސުލޫކީ މިންގަނޑާ ޚިލާފުވެގެން ފުލުހުންގެ މުއައްސަސާގައި ހަމަޖެހިފައިވާ ފުލުހުންގެ ސުލޫކީ މައްސަލަތައް ބެލުމުގެ އިޖުރާއަތުގެ ތެރެއިން ނިންމާފައިވާ މައްސަލައަކަށްވާ އިރު، އިސްތިއުނާފު ކުރެވިފައިމިވާ މައްސަލައާއި ސުޕްރީމް ކޯޓުގެ މުޙައްމަދު ފަހުމީ ޙަސަން ވ. ދައުލަތް ގަޒިއްޔާގައި ހިމެނޭ މައްސަލައަކީ ތަފާތު ވާގިއާތަކަކާއި ގާނޫނީ އުސޫލުތަކެއް ފާހަގަކޮށްފައިވާ ތަފާތު މައްސަލައެއް ކަމަށްވުމުން މުޙައްމަދު ފަހުމީ ޙަސަން ވ. ދައުލަތް ގަޒިއްޔާއަކީ މި ފަދަ ވަޒީފާގެ މައްސަލަތައް ބަލައި ފައިސަލާކުރުމުގައި ތަބައަވުން ލާޒިމުވާ ކުރީގެ ގަޒިއްޔާއެއް ނޫނެވެ.

(ށ) ޑަބަލް ޖެޕަޑީގެ އުސޫލު ރައްޔިތުންގެ އަސާސީ ހައްގެއްގެ ގޮތުގައި ރާއްޖޭގައި އެކަށައެޅިފައިވަނީ ގާނޫނުއަސާސީގެ 60 ވަނަ މާއްދާގައެވެ. ގާނޫނުއަސާސީގެ 60 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުނުވާ ކަމަށް ކޯޓަކުން ހުކުމްކޮށްފި ނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެ ކުށުގެ އަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެ ކަމަށެވެ. އަދި އިތުރަށް މި މާއްދާގައި ބުނެފައިވަނީ ޖިނާއީ ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެ ނަމަ ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެކުށުން ފުރިހަމަވާ އެހެން ކުށެއްގެ ދައުވާ އެ މީހެއްގެ މައްޗަށް އުފުލައިގެން ނުވާނެ ކަމަށެވެ. ނަމަވެސް ޝަރީއަތުގެ އިޖުރާއަތެއް ގަވައިދުން ގޮސްފައިނުވާނަމަ އެ މައްސަލައެއްގައި އަލުން ޝަރީއަތް ކުރުމަށް މަތީ މަރުހަލާގެ ކޯޓަކުން އަމުރު ކުރުމުން އެ މައްސަލައެއްގައި އަލުން ޝަރީއަތް ކުރުމާއި އިސްތިއުނާފުގެ މައްސަލައެއްގެ ގޮތުގައި އެ މައްސަލައެއް ބެލުމަކީ ޑަބަލް ޖެޕަޑީގެ މަފްހޫމުގެ އިސްތިސްނާ ހާލަތްތައް ކަމަށް ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ގަބޫލުކުރެއެވެ. އެހެންކަމުން ދިވެހިރާއްޖޭގެ ގާނޫނުގައި ޑަބަލް ޖެޕަޑީގެ ދާއިރާ ކަނޑައަޅާފައިވާއިރު ދިފާއެއްގެ ގޮތުގައި އެ މަފްހޫމުގެ ބޭނުން ކުރެވޭނީ ޖިނާއީ މައްސަލައެއްގައި ކޯޓެއްގައި ކުށް ސާބިތުވެފައިވަނިކޮށް ނުވަތަ ކުށް ސާބިތުނުވާކަމަށް ކޯޓަކުން ކަނޑައަޅާފައިވަނިކޮށް ހަމަ އެ ވާގިއާތަކުގެ މައްޗަށް ބިނާކޮށް ޖިނާއީ އެހެން ދައުވާއެއް ކުރުމުން ކަން ގާނޫނުއަސާސީގެ 60 ވަނަ މާއްދާއިން އެނގެއެވެ. ވީމާ، ޖިނާއީ ތުހުމަތުކުރެވޭ މައްސަލައެއްގައި ޖިނާއީ ދައުވާކުރުމަށް ފުދޭ މިންވަރަށް ހެކި ނެތް ކަމަށް ޕްރޮސިކިއުޓަރ ޖެނެރަލް ނުވަތަ ޖިނާއީ ތަހުގީގުކުރާ ފަރާތަކުން ނިންމާ މައްސަލަތަކުގައްޔާއި ކޯޓަށް ހުށަހެޅޭ ޖިނާއީ ދައުވާއެއް ސާބިތު ނުވާ ހާލަތްތަކުގައި އެ ވާގިއާތަކުގެ މައްޗަށް ބިނާކޮށް ތުހުމަތުކުރެވުނު މީހާގެ މައްޗަށް އެކިއެކި އިދާރީ ފިޔަވަޅު އެޅުމަށާއި މުވައްޒަފުންގެ ސުލޫކީ މައްސަލަތައް ނިންމުމަށް ޑަބަލް ޖެޕަޑީގެ މަފްހޫމު ހުރަހެއް ނާޅައެވެ. އަދި އެ ވާގިއާތަކުގެ މައްޗަށް ބިނާކޮށް އަދަބަކަށް ނުވާގޮތަށް މަދަނީ ދައުވާ އެމީހެއްގެ މައްޗަށް އުފުލުމަށް ވެސް ގާނޫނުއަސާސީގެ 60 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޑަބަލް ޖެޕަޑީގެ މަފްހޫމު ހުރަހެއް ނާޅައެވެ. އެ ވާގިއާތަކުގެ މައްޗަށް ބިނާކޮށް އިދާރީ ފިޔަވަޅު އެޅުމަށް ނުވަތަ ސުލޫކީ ފިޔަވަޅު އެޅުމަށް މަގުފައިވާ ސަބަބަކީ އިދާރީ މައްސަލަތަކުގައްޔާއި ވަޒީފާއިން ވަކިކުރުމުގެ މައްސަލަތަކުގައި ވާގިއާތައް ސާބިތުކުރަންޖެހެނީ ޖިނާއީ މައްސަލަތަކުގައި ވާގިއާތައް ޝަރީއަތަށް ސާބިތު ކުރަންޖެހޭ މިންވަރު ސާބިތު ކުރުމުގެ ލުއި މިންގަނޑަކުން ކަމަށްވާތީއެވެ. މައްސަލައެއްގައި ލިބިހުރި ހެކިތައް ވަޒަންކުރާއިރު އެ ހެކިތަކުން މީހެއްގެ މައްޗަށް ތުހުމަތުކުރެވޭ އަމަލެއް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތު ނުވިނަމަވެސް އެ ހެކިތަކުން މަދަނީ މިންގަނޑުން ވަޒަންކުރާއިރު އެ މީހަކު އެކަން ކޮށްފައިވާ ކަމަށް ބޮޑަށް ގަބޫލުކުރެވޭނަމަ އެ ހެކިތަކުގެ މައްޗަށް ބިނާކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ދައުވާކުރުމާއި، އަދި އިދާރީ ފިޔަވަޅު ނުވަތަ ސުލޫކީ ފިޔަވަޅު އެޅުމަކީ ހުއްދަވެގެންވާ ކަންކަމެކެވެ.

ހައްލުތައް

ވަޒީފާއިން ވަކިކުރުމުގެ މައްސަލައެއްގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރެވިފައި ނެތްނަމަ، އެ މީހަކު ކުރިން ހުރި ވަޒީފާއަށް ރުޖޫއަ ނުކުރެވޭނެއެވެ. އެ ހާލަތުގައި ވަކިކުރެވުނު މުވައްޒަފަށް ނަގައިދެވޭނީ ހަމައެކަނި ބަދަލެކެވެ. މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލު ވާންވާނީ، މައްސަލައިގެ ބާވަތަށާއި، އެ މުވައްޒަފަކު ވަކިކުރުމުގައި އިޖުރާއީ އަދުލުވެރިކަން ގާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށާއި އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމަށް ހޭދަވާނޭ ކަމަށް ބެލެވޭ މުއްދަތަށް ރިއާޔަތް ކޮށް ނަގައިދެވޭ އަދުލުވެރި ބަދަލެއް ކަމަށެވެ.

ވަޒީފާދޭ ފަރާތުން މައުޟޫއީ އަދުލުވެރިކަން ގާއިމުކުރުމާ ޚިލާފުވުމާއި، އިޖުރާއީ އަދުލުވެރިކަން ގާއިމުކުރުމާ ޚިލާފުވުމުގައި އުސޫލީގޮތުން ތަފާތުތަކެއް ހުރީތީވެ، މި ދެ ޚިލާފާ ގުޅިގެން މުވައްޒަފަށް ލިބޭނެ ބަދަލުގެ މިންވަރު ކަނޑައެޅުމުގައި ގެންގުޅެންވާނެ ކަމަށް ފެންނަނީ ތަފާތު ދެ މިންގަނޑެކެވެ. މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައި ނުވާނަމަ ނަގައިދެވޭ ބަދަލުގެ އަދަދު، މައްސަލަތަކުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި ނުވާ ހާލަތުގައި ނަގައިދޭ ގެއްލުމުގެ ބަދަލުގެ އަދަދަށްވުރެ ކުޑަވާންޖެހޭނެއެވެ.

މި ގޮތުން ޝަރީއަތުގެ ކުރިމަތީގައި މިހާރު މިއޮތް މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައި ވީނަމަވެސް، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާތީ، އިސްތިއުނާފު ރައްދުވާ ފަރާތަށް އިސްތިއުނާފުކުރާ ފަރާތުގެ ކިބައިން މި މައްސަލައިގައި ނަގައިދޭން ފެންނަ މިންވަރަކީ އިސްތިއުނާފު ރައްދުވާ ފަރާތް ވަޒީފާއިން ވަކިކުރެވުނު އިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 3 މަސްދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެއް ކަމަށް ގަބޫލުކުރެވެއެވެ. ތިން މަސްދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެއް ކަމަށް ކަނޑައަޅާފައި މިވާ ސަބަބަކީ 3 މަސްދުވަހުގެ މުއްދަތަކީ އިޖުރާއީ އިންސާފު ގާއިމުކުރުމުގެ މަސައްކަތްކުރުމަށް ހޭދަވާނޭ ކަމަށް ބެލެވޭ އެކަށީގެންވާ މުއްދަތެއް ކަމަށް ފެންނާތީ އެ މުއްދަތަށް ނިސްބަތްކޮށްފައެވެ.

މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން، މި މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އިންސާފު ގާއިމުނުކޮށް އިސްތިއުނާފުކުރާ ފަރާތް ވަޒީފާއިން ވަކިކޮށްފައިވާތީވެ، އިސްތިއުނާފުކުރާ ފަރާތަށް ބަދަލު ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/384 ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅާފައިވާ އުސޫލަށް ބަދަލު ގެންނަން ޖެހެއެވެ.

ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމްގެ ރައުޔުމި މައްސަލައިގައި ފަނޑިޔާރު ޙުސްނުއްސުޢޫދުގެ ރައުޔަށް އަހުރެން ތާއީދުކުރަމެވެ.

ޙުކުމް

ދެންފަހެ، މަތީގައި ބަޔާންކުރެވުނު ސަބަބުތައް އެހެން ހުރުމުން:

މުޙައްމަދު ޝަމްޢޫން ނަޞީރު ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައިވާ ކަމަށާއި އެ ސަބަބަށްޓަކައި މުޙައްމަދު ޝަމްޢޫން ނަޞީރު އަދާކުރަމުން ގެންދިޔަ ވަޒީފާއަށް ރުޖޫއަކުރުމަށް އަމުރުކުރާނޭ ތަނެއް ނެތްކަމަށް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/384 ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކޮށްފީމެވެ.

މުޙައްމަދު ޝަމްޢޫން ނަޞީރު ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ އަދުލުކުރެވެރިކަން ގާއިމުކުރެވިފައިނުވާ ކަމަށް އިސްތިއުނާފުކުރެވޭ ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/384 ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅައި، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާތީ އެކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން މުޙައްމަދު ޝަމްޢޫން ނަޞީރު އަށް ބަދަލެއް ދޭންޖެހޭނެ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކޮށްފީމެވެ.

މުޙައްމަދު ޝަމްޢޫން ނަޞީރު ފުލުހުންގެ ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ އަދުލުވެރިކަން ގާއިމުވެފައި އޮވެމެ، އިޖުރާއީ އިންސާފު ގާއިމުނުކޮށް މުޙައްމަދު ޝަމްޢޫން ނަޞީރު ވަޒީފާއިން ވަކިކޮށްފައިވާތީވެ، މުޙައްމަދު ޝަމްޢޫން ނަޞީރުއަށް ބަދަލު ދިނުމަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2016/HC-A/384 ގަޒިއްޔާގެ ހުކުމުގައި ކަނޑައަޅާފައިވާ އުސޫލަށް ބަދަލު ގެންނަން ޖެހޭ ކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައިފީމެވެ.

މި މައްސަލައިގައި މައުޟޫއީ އަދުލުވެރިކަން ގާއިމުކުރެވިފައި ވީނަމަވެސް، އިޖުރާއީ އަދުލުވެރިކަން ގާއިމުކޮށްފައިނުވާތީ އެކަމުގެ ބަދަލެއްގެ ގޮތުން މުޙައްމަދު ޝަމްޢޫން ނަޞީރު ވަޒީފާއިން ވަކިކުރި އިރު ލިބެމުންދިޔަ މުސާރައިގެ ނިސްބަތުން 3 މަސްދުވަހުގެ މުސާރައާ އެއްވަރުގެ އަދަދެއް، މިއަދުން ފެށިގެން 15 ދުވަހުގެ ތެރޭގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން މުޙައްމަދު ޝަމްޢޫން ނަޞީރު ދިނުމަށް ކަނޑައަޅައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ ބެލި ފަނޑިޔާރުންގެ އިއްތިފާގުން ޙުކުމް ކޮށްފީމެވެ.

މި ޤަޟިއްޔާ ބަލައި ޙުކުމް ކުރީ:

ޙުސްނުއްސުޢޫދުޢަލީ ރަޝީދު ޙުސައިންމުޙައްމަދު އިބްރާހީމް(ރިޔާސަތު)

ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ޝެއަރ ކުރައްވާ