ދިވެހިރާއްޖޭގެ މަތީ ކޯޓުތަކުގެ ޤަޟާއީ ސާބިޤާތައް

Maldives Higher Courts Case Law

Saeed Lex
2022/HC-A/178

ރޮކްސީ މޯލްޑީވްސް ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑް ވ. ޙަސަން މުޙައްމަދު

އިސްތިއުނާފު ޤަބޫލު، އިޖުރާއީ ޢަދުލުވެރިކަމާއި ބަދަލާ ބެހޭ…
ސުޕްރީމް ކޯޓަށް އިސްތިއުނާފުކޮށްފައި ނުވޭ · ރަޖިސްޓްރީ ބެލީ 15 އޮކްޓޫބަރު 2026ޙުކުމުގެ ހާލަތު
ހައިކޯޓު · 19 ނޮވެމްބަރު 2024ދަށު ކޯޓު: ވަޒީފާއާބެހޭ ޓްރައިބިއުނަލް 239/VTR/2021ބާވަތް: ވަޒީފާއާބެހޭ

ކުރީގެ ތާރީޚު / ފަހުގެ ތާރީޚު

ކުރީގެ ތާރީޚު
ވަޒީފާއާބެހޭ ޓްރައިބިއުނަލް 239/VTR/2021
ފަހުގެ ތާރީޚު
ސުޕްރީމް ކޯޓަށް އިސްތިއުނާފުކުރިކަމެއް ޑޭޓާބޭސްގައި ނެތް

ކޯ ޓާމްސް

ޚުލާޞާ

ކޯޓުން ނިންމަން ޖެހުނު ސުވާލު
މުވައްޒަފު ހުއްދަނެތި ވަޒީފާއަށް ހާޟިރުނުވުމުން ވަޒީފާގެ އެއްބަސްވުމުގެ ދަށުން "ސެލްފް ޓާރމިނޭޝަން" އަށް ބަލައި ވަޒީފާއިން ވަކިވި ޙާލަތުގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައި ބަދަލު ނަގައިދިނުން ރަނގަޅުތޯ.

ނިންމުން

އިސްތިއުނާފު ޤަބޫލު، އިޖުރާއީ ޢަދުލުވެރިކަމާއި ބަދަލާ ބެހޭ…

އިސްތިއުނާފު ޤަބޫލު، އިޖުރާއީ ޢަދުލުވެރިކަމާއި ބަދަލާ ބެހޭ ޓްރައިބިއުނަލުގެ ނިންމުމުގެ ބައި ބަދަލުކުރި

ކަނޑައެޅި ޤާނޫނީ އުޞޫލުތައް

HN1 ޓްރައިބިއުނަލުން މައުޟޫޢީ ޢަދުލުވެރިކަން ޤާއިމުވެފައިވާކަމަށް ނިންމާފައިވާ ޙާލަތެއްގައި ވަޒީފާދޭ ފަރާތުން ކުރާ އިސްތިއުނާފެއްގައި ހައިކޯޓުން ބަލަންޖެހެނީ، ވާޤިޢާތަކާއި ދެފަރާތުގެ އެއްބަސްވުމާއި ހުށަހެޅުނު ލިޔުންތަކަށް ބަލާއިރު އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ނިންމި ނިންމުން ރަނގަޅުތޯއެވެ.

HN2 ހުއްދަނެތި 3 ދުވަހަށްވުރެ ގިނަ ދުވަސް ވަޒީފާއަށް ޙާޟިރުނުވުމަކީ އަމިއްލައަށް ވަޒީފާ ދޫކޮށްލުން (ސެލްފް ޓާރމިނޭޝަން) ކަމުގައި ބެލޭނެ ކަމަށާއި، ވަޒީފާދޭ ފަރާތަށް މުވައްޒަފު އެތަނުގެ އެހެން ތަނަކަށް ބަދަލުކުރެވިދާނެ ކަމަށް ވަޒީފާގެ އެއްބަސްވުމުގައި ދެފަރާތް އެއްބަސްވެފައިވާނަމަ، އެއީ ޞައްޙަ އެއްބަސްވުމެއްގެ ގޮތުގައި ދެފަރާތުގެ މައްޗަށް ތަންފީޛުވާ ޝަރުޠުތަކެކެވެ.

HN3 ވަޒީފާގެ އެއްބަސްވުމުން ލިބިދޭ ޙައްޤުގެ ދަށުން ވަޒީފާދޭ ފަރާތުން މުވައްޒަފަށް ވަގުތީ ގޮތުން އެހެން ތަނެއްގައި (ރިޒޯޓުގައި) މަސައްކަތަށް ނިކުތުމަށް އަންގައި، އޭނާގެ އުޛުރަށް ރިޢާޔަތްކޮށް އިތުރު މުއްދަތު ދީފައިވާއިރު، އެ އެންގުން ބޮލާލައި ޖަހައިގެން ވަޒީފާއަށް ނުނިކުމެ ހުރުމަށް ޤާނޫނީ ސަބަބެއް ނުވަތަ އުޛުރެއް ނުވާނެއެވެ.

HN4 ނޯޓިސް ނުދީ ވަކިކުރާ ޙާލަތުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުވާން ފުރިހަމަކުރަންޖެހޭ ކަންކަން (ތުހުމަތުގެ މަޢުލޫމާތު ދިނުން، ޖަވާބުދާރީވުމުގެ ފުރުޞަތު، ތަޙްޤީޤު، ވަކިކުރި ސަބަބު އެންގުން) ބަޔާންކުރާ 2010/HC-A/208 ޤަޟިއްޔާގެ އުޞޫލުތައް ތަޠުބީޤުކުރާއިރު، މުވައްޒަފު ވަޒީފާއިން ވަކިވެގެންދިޔައީ އޭނާގެ އަމިއްލަ ޢަމަލުތަކުގެ ސަބަބުން ކަމަށްވެފައި، ވަޒީފާދޭ ފަރާތުން އޭނާއަށް ތަކުރާރުކޮށް ފުރުޞަތާއި ލުއިތައް ދީފައިވާނަމަ، އިޖުރާއީ ޢަދުލުވެރިކަމަށްޓަކައި ވަޒީފާދޭ ފަރާތުން އިތުރަށް ކުރަންޖެހޭ ކަމެއް ނެތެވެ.

ވަޒީފާއާބެހޭ › ވަޒީފާއާ ބެހޭ

HN5 މުވައްޒަފަށް ޤާނޫނުން ލިބިދޭ ޙައްޤުތަކާ އެއްވަރަށް އޭނާގެ ކިބައިގައި އަދާކުރަންޖެހޭ ޒިންމާތަކެއްވެސް އުފެދޭތީ، ވަޒީފާއާބެހޭ މައްސަލަތަކުގައި ވަޒީފާދޭ ފަރާތުން އިހުމާލުވެފައިވޭތޯ ހަމައެކަނި ބެލުމުގެ ބަދަލުގައި މުވައްޒަފު އޭނާގެ ޒިންމާތަކާމެދު ޢަމަލުކުރި ގޮތްވެސް ބަލަންޖެހޭނެއެވެ.

ވަކީލުންނާއި ފަނޑިޔާރުން

ވަކީލުން
—
ބެންޗު
މުޙައްމަދު ނިޔާޒް، ޙަސަން ޝަފީޢު، ޢަބްދުލްމާނިޢު ޙުސައިން
ރިޔާސަތު
—
ރައުޔު ލިޔުނު ފަނޑިޔާރު
—
ޚިލާފު ރައުޔު
ނެތް

ޙުކުމުގެ ލިޔުން

ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޕެރެގްރާފް ނަންބަރުތައް ވަނީ ކޯޓުން ޖަހާފައިވާ ގޮތަށް.

ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔު، މި ރައުޔަށް ފަނޑިޔާރު ޙަސަން ޝަފީޢު އަދި ފަނޑިޔާރު ޢަބްދުލްމާނިޢު

ޙުސައިން ތާޢީދު ކުރެއެވެ. މައްސަލައިގެ ތަޢާރަފު:

1މިއީ، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:239/VTR/2021 މައްސަލަ އެޓްރައިބިއުނަލުން ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ރޮކްސީ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑް (މީގެ ފަހުން "ރޮކްސީ މޯލްޑިވްސް" ނުވަތަ "އިސްތިއުނާފުކުރާ")ގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލާފައިވާ ޤަޟިއްޔާއެކެވެ. މިޤަޟިއްޔާގެ އިސްތިއުނާފު ރައްދުވާ ފަރާތަކީ ގދ.ތިނަދޫ، […] / ޙަސަން މުޙައްމަދު (މީގެ ފަހުން "ޙަސަން މުޙައްމަދު" ނުވަތަ "އިސްތިއުނާފު ރައްދުވާ ފަރާތް") އެވެ. މައްސަލައިގައި ކަންހިނގާފައިވާ ގޮތް:

2އިސްތިއުނާފު ރައްދުވާ ޙަސަން މުޙައްމަދުއަކީ ނޯކު މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ("ނޯކު މޯލްޑިވްސް") ގައި "އެއަރޕޯޓް ރެޕްރެޒެންޓެޓިވް" ގެ މަޤާމު އަދާކުރަމުންދިޔަ ފަރާތެވެ. ނޯކު މޯލްޑިވްސްއަކީ އިސްތިއުފާނުކުރާ ރޮކްސީ މޯލްޑިވްސް އިން ހިންގާ ރިޒޯޓެކެވެ. ނޯކު މޯލްޑިވްސްގައި ޙަސަން މުޙައްމަދު ވަޒީފާ އަދާކުރަމުން ދިޔައީ 12 ޑިސެމްބަރު 2019 އިން ފެށިގެންނެވެ.

32021 ވަނަ އަހަރުގެ އޭޕްރީލް 04 އިން ފެށިގެން 12 ވަނަ ދުވަހާއި ހަމައަށް ޙަސަން މުޙައްމަދު ވަޒީފާއަށް ޙާޟިރުވެފައި ނުވާކަމަށް ރޮކްސީ މޯލްޑިވްސްއިން ބުނެއެވެ. ވަޒީފާއަށް ޙާޟިރުނުވި ސަބަބު ބަޔާންކޮށްދިނުމަށް އެދުމުން، އެކަމަށް ޙަސަން މުޙައްމަދު އިޖާބަ ދީފައި ނުވާކަމަށް ބުނެއެވެ.

4އެހެންވެ، ދެފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ އެއްބަސްވުމުގެ 9.5.5 ގެ ދަށުން ވޯނިންގ ލެޓަރއެއް 2021 އޭޕްރީލް 17 ވަނަ ދުވަހު ޙަސަން މުޙައްމަދަށް ދިންކަމަށް ރޮކްސީ މޯލްޑިވްސް އިން ބަޔާންކުރެއެވެ. މިސިޓީ ލިބުމުން، ޙަސަން މުޙައްމަދު ހުރީ ކަރަންޓީނުގައި ކަމަށް 28 އޭޕްރީލް 2021 ގައި ރޮކްސީ މޯލްޑިވްސްގެ މެނޭޖަރަށް ޙަސަން މުޙައްމަދު އެންގިއެވެ.

5ޙަސަން މުޙައްމަދު ހުރީ ކަރަންޓީނުގައިކަމަށް ބުނުމުން، ރޮކްސީ މޯލްޑިވްސްގެ ފަރާތުން އެކަމާގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށް ޙަސަން މުހައްމަދަށް އެންގިކަމަށް ބަޔާންކުރެއެވެ. ނަމަވެސް އެކަމަށް ޙަސަން މުޙައްމަދުގެ ފަރާތުން އެއްބާރުލުން ނުދިންކަމަށް ބުނެއެވެ. އެހެންވެ، ރޮކްސީ މޯލްޑިވްސްއިން ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް ލިޔެގެން ބެލިއިރު، ޙަސަން މުޙައްމަދުގެ "އޯޕަން ކޭސް" އެއް ނެތްކަމަށް އެއިދާރާއިން މަޢުލޫމާތު ދިނުމުން، ޙަސަން މުޙައްމަދުއާ މެދު ރޮކްސީ މޯލްޑިވްސްއަށް އިތުބާރު ގެއްލުނީކަމަށް ރޮކްސީ މޯލްޑިވްސްއިން ބަޔާންކުރެއެވެ. އެހެންވެ، 2021 މެއި 09 ވަނަ ދުވަހު ޙަސަން މުޙައްމަދު ވަޒީފާއިން ވަކިކުރިކަމުގެ ނޯޓިސް އޭނާއަށް ދީފައިވެއެވެ.

6ވަޒީފާއިން ވަކިކުރިކަމުގެ ނޯޓިސް ދިނުމާއެކު، 10 އޭޕްރީލް 2021 ގައި ޙަސަން މުޙައްމަދުގެ ފަރާތުން، އޭނާ ޙާޟިރުނުވެ ހުރި ދުވަސްތަކުގެ ސަބަބު ބަޔާންކޮށްދޭން ފެށިއެވެ. އެގޮތުން، 26 އޭޕްރީލް 2021 އިން ފެށިގެން 28 އޭޕްރީލް 2021 އަށް އޭނާ އުޅުނީ ބަލިވެ ކަމަށް ބުނެފައިވެއެވެ. އަދި 12 މެއި 2021 ގައި ޙަސަން މުޙައްމަދު ހުރީ ކަރަންޓީނުގައިކަން އަންގައިދޭ ލިޔެކިޔުންތައް ހުށަހެޅިއެވެ. އަދި ހެލްތް ޕްރޮޓެކްޝަން އެޖެންސީންއިން ކުރިން ބަޔާންކުރި ގޮތަށް މަޢުލޫމާތު ދިން ސަބަބެއްކަމުގައި ބުނަނީ، ހާލުބެލުން ޕޯޓަލްގައި އޭނާ ރަޖިސްޓްރީ ކޮށްފައި ނުވާނެތީ ކަމަށެވެ.

7މިމަޢުލޫމާތުތަކުގެ މައްޗަށް ބުރަވެ، 23 މެއި 2021 ގައި ވަޒީފާއަށް އެނބުރި އައުމަށް ޙަސަން މުޙައްމަދުއަށް އެންގި ކަމަށް ރޮކްސީ މޯލްޑިވްސްއިން ބުނެއެވެ. ކޮވިޑް-19 އާއި ގުޅިގެން، އެއަރޕޯޓުގެ މަސައްކަތްތައް މަދުވެފައި އެއަރޕޯޓް ރެޕްރެޒެންޓެޓިވްގެ މަގާމުގެ ބޭނުން ފުރިހަމަ ގޮތުގައި ނުހިފޭތީ، ރިޒޯޓްގައި މަސައްކަތް ކުރުމަށް ރިޒޯޓްއަށް އައުމަށް ޙަސަން މުހައްމަދަށް އެންގުމަށް ބުނެއެވެ. ސަބަބަކީ، ފްރޮންޓް އޮފީސް ޑިޕާޓްމަންޓްގެ އައިލެންޑް ހޮސްޓް ޓީމްއަށް އިތުރު އެހީތެރިން ބޭނުންވާތީއާ އެކު ކަމަށް ރޮކްސީ މޯލްޑިވްސްއިން މަޢުލޫމާތު ދެއެވެ.

8ރޮކްސީ މޯލްޑިވްސްއިން ޙަސަން މުޙައްމަދުއަށް ރިޒޯޓްގައި މަސައްކަތް ކުރުމަށް އައުމަށް އެންގުމުން، އެހާ ކުއްލި ގޮތަކަށް ރިޒޯޓަށް ބަދަލު ނުވެވޭނެ ކަމަށް ބުނެ ޖަވާބު ދީފައިވާކަމަށް ބުނެއެވެ. މިބަދަލަށް ޢަމަލު ކުރުމަށްޓަކައި ރަނގަޅު ޙައްލެއް ހޯދައި ދިނުމަށް ޙަސަން މުޙައްމަދުގެ ފަރާތުން އެދުމުން، ރިސޯޓަށް ބަދަލުވުމަށް 8 ޖޫން 2021 އިން 01 މަސްދުވަހުގެ މުއްދަތެއް ދިނުމަށްފަހު 7 ޖުލައި 2021 ގައި ރިޒޯޓްގައި ވަޒީފާ އަދާކުރުމަށް ނުކުތުމަށް ފުރުޞަތު ދީފައިވާކަމަށް ރޮކްސީ މޯލްޑިވްސްއިން ބުނެއެވެ.

9ރިސޯޓަށް ވަޒީފާ އަދާކުރުމަށް ނިކުތުމަށް 01 މަސް ދިންފަހުން، 12 ޖޫން 2021 ގައި ޙަސަން މުޙައްމަދުގެ ފަރާތުން ރޮކްސީ މޯލްޑިވްސްއަށް އެންގިކަމަށް ބުނެފައިވަނީ 09 މެއި 2021 ގެ ޓާމިނޭޝަން އައިގެން ކުރިއަށް ދިއުމަށެވެ. ނަމަވެސް އެޓާމިނޭޝަން ނޯޓިސް އަނބުރާ ގެންގޮސްފައިވާކަމަށް ރޮކްސީ މޯލްޑިވްސްއިން ޙަސަން މުޙައްމަދުއަށް އެންގިކަމަށްބުނެއެވެ. އެހެންވެ، 07 ޖުލައި 2021 ގައި އައިލެންޑް ހޮސްޓް ޓީމުގައި މަސައްކަތް ކުރުމަށް ރިޒޯޓަށް އައުމަށް ތަކުރާރުކޮށް އެންގުމުން، ޙަސަން މުޙައްމަދުގެ ޖަވާބަކަށް ވެފައިއޮތީ، 09 މެއި 2021 ގެ ޓާމިނޭޝަންއާއެކު ކުރިއަށް ދިއުމަށް ކަމަށް ރޮކްސީ މޯލްޑިވްސް އިން ބަޔާން ކުރެއެވެ.

09.10 މެއި 2021 ގެ ޓާމިނޭޝަން އާއިގެން ކުރިއަށް ދިއުމަށް ޙަސަން މުޙައްމަދު ބުނިނަމަވެސް، 06 ޖުލައި 2021 ގައި، ރިޒޯޓަށް އައުމަށް ޓިކެޓްނަގައި އޭގެ މަޢުލޫމާތު ރޮކްސީ މޯލްޑިވްސް އިން ޙަސަން މުޙައްމަދުއަށް ދިން ކަމަށް ބުނެއެވެ. ނަމަވެސް، 07 ޖުލައި 2021 ގައި ފުރަން ތައްޔާރުވެގެން ޙަސަން މުޙައްމަދެއް ނުދިޔައެވެ. އަނެއްކާވެސް، 9 ޖުލައި 2021 އަށް ޓިކެޓް ނަގައިދިނުމަށްފަހު ފުރައިގެން ވަޒީފާއަށް އައުމަށް އެންގުމުން، އެއަރޕޯޓަށް ނުދިޔަކަމަށް ރޮކްސީ މޯލްޑިވްސް އިން ބުނެއެވެ. އަދި ވަޒީފާއަށް ޙާޝިރުވެފައެއް ނުވެއެވެ.

11މިކަންކަމަށް ރިޢާޔަތްކޮށް ރޮކްސީ މޯލްޑިވްސްއަށް ޤަބޫލު ކުރެވުނީ، ޙަސަން މުޙައްމަދު މިހާރު އެވަނީ އަމިއްލައަށް ވަޒީފާ ދޫކޮށްލާފައި ކަމަށެވެ. އަދި ވަޒީފާއާބެހޭ އެއްބަސްވުމުގެ 9.5.5 ގައި ބަޔާންކުރާ ޙާލަތެއް ކުރިމަތި ވެއްޖެކަމަށެވެ. ޙަސަން މުޙައްމަދުގެ ކިބައިގައި މަސައްކަތުގެ އަހުލާޤު ހުރީ އެކަށީގެންވާ ގޮތަށް ނޫން ކަމަށެވެ. ޙަސަން މުޙައްމަދު އިތުރަށް ވަޒީފާގައި ބަހައްޓަން މަސައްކަތްކޮށްފިނަމަ، ރޮކްސީ މޯލްޑިވްސްއަށް ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. ވީމާ، ޙަސަން މުޙައްމަދު އިތުރަށް ވަޒީފާގައި ބެހެއްޓުމަކީ އެކަށީގެންވާ ހަމަތަކަށް ބަލާއިރު ކުރެވޭނެ ކަމެއް ނޫންކަމަށެވެ. އެހެންވެ، ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން 09 ޖުލައި 2021 އިން ފެށިގެން ޙަސަން މުޙައްމަދު ވަޒީފާއިން ވަކިކުރީ ކަމަށެވެ.

12މިމައްސަލައިގެ ކަންވީގޮތް ކަމަށް ބުނެ، ޙަސަން މުޙައްމަދުގެ ފަރާތުން ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅި ފޯމްގައި ބަޔާންކޮށްފައިވަނީ ރޮކްސީ މޯލްޑިވްސްގެ ދަށުން ހިންގަމުންދާ ނޯކު މޯލްޑިވްސްގައި ޙަސަން މުޙައްމަދު މަސައްކަތް ކުރަމުން ދަނިކޮށް، އެއްވެސް އެކަށީގެންވާ ސަބަބެއް ނެތި، ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށާއި، ވަޒީފާއިން ވަކި ކުރުމުގައި މައުޟޫޢީ ޢަދުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކޮށްފައި ނެތްކަމަށެވެ. މިމައްސަލައިގައި ކަންހިނގާދިޔަ ގޮތްކަމަށް އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި މައިގަނޑު ވާޤިއާތަކަށް ތަޢުނުކޮށް ޙަސަން މުޙައްމަދުގެ ފަރާތުން ވާހަކައެއް ދައްކާފައެއް ނެތެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތުގެ ރިޕޯޓުގެ 7.13 ގައިވެސް އެތަނަށް މައްސަލަ ހުށަހެޅި ޙަސަން މުޙައްމަދުގެ ފަރާތުން، މިދެންނެވި ވާޤިއާތަކާއި ގުޅިގެން އެއްވެސް ޖަވާބެއް ދީފައި ނެތްކަމަށް ފާހަގަ ކުރެއެވެ.

13ޙަސަން މުޙައްމަދު ވަޒީފާއިން ވަކިކުރުން، އޭނާ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލަ އެތަނުން ނިންމީ، ޙަސަން މުޙައްމަދު ވަޒީފާއިން ވަކިކުރުމުގައި މައުޟޫއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައިވާ ކަމަށެވެ. ނަމަވެސް އިޖުރާއީ ޢަދުލުވެރިކަން ޤާއިމު ކުރެވިފައި ނެތްކަމަށެވެ. އެހެންވެ، ޙަސަން މުޙައްމަދަށް 02 (ދެއެއް) މަސްދުވަހުގެ ބަދަލެއްގެ ގޮތުން -$12،00 (ބާރަސަތޭކަ އެމެރިކާ ޑޮލަރު) ނަގައި ދިނުމަށެވެ. މިމައްސަލަ ޓްރައިބިއުނަލުން ބަލާފައިވަނީ، ނަންބަރު:239/VTR/2021 ޝަކުވާއާއި ގުޅިގެންނެވެ. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމިގޮތް:

14ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:239/VTR/2021 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށް ބެލިއިރު، އެމައްސަލަ ނިންމާފައިވަނީ؛ "ދެންފަހެ، މައްސަލަ ހުށަހެޅި ފަރާތުންނާއި މައްސަލަ ރައްދުވި ފަރާތުން ހުށަހެޅި ލިޔެކިޔުންތަކަށާއި، މައްސަލައިގެ މަޖިލީހުގެ ދެފަރާތުން ދައްކާފައިވާ ވާހަކަތަކަށާއި، ދީފައިވާ ބަޔާންތަކަށް ރިޢާޔަތްކޮށް ބެލިއިރު، ޙަސަން މުޙައްމަދު ރޮކްސީ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ ދަށުން ހިންގަމުންދާ ނޮކު މޯލްޑިވްސް ހޮޓެލްސްގައި އެއަރޕޯޓް ރެޕްރެޒެންޓޭޓިވްއެއްގެ މަޤާމުގައި 12 ޑިސެންބަރު 2019 އިން ފެށިގެން ވަޒީފާ އަދާކުރަމުން ދަނިކޮށް 09 ޖުލައި 2021 ގައި އެއްވެސް އެކަށީގެންވާ ސަބަބެއްނެތި، ޤާނޫނާ ޚިލާފަށް އެފަރާތް ވަޒީފާއިން ވަކިކޮށްފައިވާކަމަށާއި، އެފަރާތް ވަޒީފާއިން ވަކިކުރުމުގައި މައްސަލަ ރައްދުވި ފަރާތުން މައުޞޫޢީ ޢަދުލުވެރިކަމާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާތީ، އެފަރާތް އަދާކުރަމުންދިޔަ ވަޒީފާގައި އަލުން ބެހެއްޓުމަށާއި، އެފަރާތަކީ އެއްވެސް ހާލެއްގައި ވަޒީފާއިން ވަކިވެފައިވާ މީހެއްކަމަށް ނުބެލުމަށާއި، ވަޒީފާއިން ވަކިކުރި ތާރީޚުން ފެށިގެން ވަޒީފާ އިޢާދަކޮށްދިނުމާ ހަމައަށް ލިބެންވާ މުސާރަ އާއި އިނާޔަތްތައް އެކީ އެއްފަހަރާ މައްސަލަ ހުށަހެޅި ފަރާތަށް ލިބިދިނުމަށާއި، މައްސަލަ ހުށަހެޅި ފަރާތް ވަޒީފާއިން ވަކިކުރުމުގައި މައްސަލަ ރައްދުވި ފަރާތުން ޢަމަލުކުރިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ފެންނަ ޢަދުލުވެރި އެހެން ބަދަލެއް ނަގައިދިނުމަށް އެދި 06 އޮކްޓޫބަރު 2021 ގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މި މައްސަލައިގައި، ޙަސަން މުޙައްމަދު ވަޒީފާއިން ވަކިކުރެވިފައިވަނީ ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 23 ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން މުވައްޒަފަކު ވަޒީފާއިން ވަކިކުރުމަށް އެކަށީގެންވާ ސަބަބެއް އޮވެގެންކަމަށްބުނެ އެކަން މައްސަލަ ރައްދުވި ފަރާތުން ސާބިތުކޮށްދީފައިވާތީ، ޙަސަން މުޙައްމަދު ވަޒީފާއިން ވަކިކުރުމުގައި ގާއިމުކުރަންޖެހޭ މައުޟޫއީ ޢަދުލުވެރިކަން (substantive fairness) ޤާއިމުކުރެވިފައިވާކަމަށް ކަނޑައެޅިނަމަވެސް، ޙަސަން މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމެއްނެތިކަމަށް ބުރަވެވޭތީ، ޤާނޫނު ނަންބަރު 2/2008 (ވަޒީފާއާބެހޭ ޤާނޫނު) ގެ 87 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް ބަދަލެއްގެ ގޮތުގައި ޙަސަން މުޙައްމަދަށް މުސާރައިގެ ގޮތުގައި މަހަކު ލިބެމުންދިޔަ USD400 (ހަތަރު ސަތޭކަ އެމެރިކާ ޑޮލަރު) އާއި އިނާޔަތްތަކުގެ ގޮތުގައި ލިބެމުންދިޔަ USD200 (ދުއިސައްތަ އެމެރިކާ ޑޮލަރު) ގެ ނިސްބަތުން 02 (ދޭއް) މަސްދުވަހުގެ އުޖޫރައިގެ ގޮތުގައި ޖެހޭ USD1200 (އެއްހާސް ދުއިސައްތަ އެމެރިކާ ޑޮލަރު) ނަގައިދިނުމަށް ކަނޑައަޅައި، މިފައިސާ މިއަދު (21 އޭޕްރީލް 2022) އިން ފެށިގެން 14 (ސާދަ) ދުވަސްތެރޭގައި ޙަސަން މުޙައްމަށް ދެއްކުމަށްފަހު، އެކަން ހަމަޖެހޭތާ 3 (ތިނެއް) ދުވަހުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ލިޔުމުން އެންގުމަށް މައްސަލަ ރައްދުވި ރޮކްސީ މޯލްޑިވްސް ރިސޯޓް އެންޑް ސްޕާ ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް އަންގައި އަމުރުކޮށް މިމައްސަލަ ނިންމައިފީމެވެ." މިފަދައިންނެވެ. މިމައްސަލަ ނިންމިގޮތާއިމެދު ހިތްހަމަ ނުޖެހިގެން، ރޮކްސީ މޯލްޑިވްސްގެ ފަރާތުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ. އިސްތިއުނާފީ ނުކުތާ:

15ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:239/VTR/2021 މައްސަލަ ނިންމަވާފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ، ރޮކްސީ މޯލްޑިވްސްގެ ފަރާތުން ތިރީގައިވާ ނުކުތާތައް ހުށަހަޅާ އެނުކުތާތަކާއި ބެހޭގޮތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ވާހަކަ ދައްކާފައިވެއެވެ. މިގޮތުން ހުށަހަޅާފައިވާ ނުކުތާތަކަކީ:

15.1 ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:239/VTR/2021 މައްސަލައިގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައި ނުވާކަމަށް ކަނޑައަޅާފައިވަނީ މިމައްސަލައިގެ ވަށައިގެންވާ ވާޤިޢާތަކާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުނު ލިޔެކިޔުންތަކަށް ރިޢަޔަތްނުކޮށްކަމަށްބުނެ ހުށަހެޅި ނުކުތާ، އާއި

15.2 ވަޒީފާއާބެހޭ ޓްރައިބިއުންލަގެ ނަންބަރު:239/VTR/2021 މައްސަލައިގައި ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/17 (މުޙައްމަދު ޝަމްޢޫން ނަޞީރު ވ. ދިވެހި ދައުލަތް) ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ އުސޫލަށް ރިޢާޔަތްނުކޮށްކަމަށްބުނެ ހުށަހެޅި ނުކުތާ. އެވެ. އިސްތިއުނާފުކުރާ ފަރާތުން ދެއްކި ވާހަކަތައް:

16އިސްތިއުނާފުކުރާ ފަރާތުން އިސްތިއުނާފީ ނުކުތާތައް ތަފްޞީލްކޮށް އިސްތިއުނާފީ ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްސީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްސީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާސާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

16.1- އިސްތިއުނާފުކުރާ ފަރާތުން ހުށަހެޅި ފުރަތަމަ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ، މިމައްސަލައަކީ، މުވައްޒަފަކު ވަޒީފާއަށް ތަކުރާރުކޮށް ހުއްދަ ހޯދުމެއްނެތި ޙާޝިރުވެފައިނުވުމުން، އެފަދަ ހާލަތުގައި އެޢަމަލު ބެލެވޭނީ self-termination އެއްކަމަށް ވަޒީފާގެ އެއްބަސްވުމުގެ

9.5.5 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ވަޒީފާއިން ވަކިކުރުމާއި ގުޅޭ މައްސަލައެއްކަމަށެވެ. ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޟިއްޔާގައި ކަނޑައަޅާފައިވާ ޙާލަތްތަކަކީ ވަޒީފާދޭ ފަރާތުން މުވައްޒަފެއްގެ މައްޗަށް ވަކި ޢަމަލެއް ކުރިކަމުގެ ތުހުމަތުކުރެވިގެން ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ނޯޓިހެއް ދިނުމަކާ ނުލައި ވަޒީފާދޭ ފަރާތުން މުވައްޒަފަކު ވަޒީފާއިން ވަކިކުރާއިރު، ފުރިހަމަ ކުރަންޖެހޭ ޙާލަތްތަކެއްކަމަށެވެ. އެއީ، އެއްވެސް ހާލެއްގައި އެމުވައްޒަފަކު ވަޒީފާއަށް ޙާޟިރުނުވެ އަމިއްލައަށް ކެނޑިގެން ދިއުމާއި ގުޅިގެން ކަނޑައަޅާފައިވާ ޙާލަތްތަކެއް ނޫންކަމަށެވެ. އެހެންކަމުން، އިޝާރާތްކުރެވުނު ހައިކޯޓުގެ ޤަޟިއްޔާގައި ކަނޑައަޅާފައިވާ ހާލަތްތަކަކީ self-termination އާއި ގުޅޭ ޙާލަތްތަކަކަށް ނުވާތީވެ، އެހާލަތްތައް މިމައްސަލައަށް ތަޠުބީޤުނުކުރެވޭނެކަމަށެވެ. މީގެ އިތުރުން، އިސްތިއުނާފު ރައްދުވާ ފަރާތުން ވަޒީފާއަށް އަނބުރާ ޙާޟިރުވުމަށް އެންގުމުން އޭގެ ރައްދުގައި ތަކުރާރުކޮށް 09 މެއި 2021 ގެ ޓަރމިނޭޝަން ނޯޓިސް އައިގެން ކުރިއަށް ދިއުމަށް އިސްތިއުނާފުކުރާ ފަރާތަށް އެންގުމުން ފާޅުކަންބޮޑު ގޮތެއްގައި އެނގިގެންދަނީ އިސްތިއުނާފު ރައްދުވާ ފަރާތުގެ ނިޔަތަކީ ވަޒީފާއިން ވަކިވުންކަމަށެވެ. އެހެންނަމަވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމާފައިވަނީ މިކަންކަމުގެ މައްޗަށް ރިޢާޔަތްކުރުމެއްނެތިކަމަށެވެ. އަދި މިކަންކަން ވަރަށް ތަފްސީލްކޮށް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ.

16.2- އިސްތިއުނާފުކުރާ ފަރާތުގެ ދެވަނަ ނުކުތާ ތަފްސީލްކުރަމުން ބުނެފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2019/SC-A/17 ޤަޟިއްޔާގައި ކަނޑައަޅާފައިވަނީ މައުޟޫއީ ޢަދުލުވެރިކަން ޤާއިމުކޮށް އިޖުރާއީ އަދުލުވެރިކަން ފުރިހަމައަށް ގާއިމުކުރެވިފައިނުވާނަމަ ނަގައިދެވޭ ބަދަލު ވާންވާނީ، މައްސަލައިގެ ބާވަތަށާއި، އެމުވައްޒަފަކު ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައި އޮތް މިންވަރެއްގެ މައްޗަށާއި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށް ހޭދަވާނެކަމަށް ބެލެވޭ މުއްދަތަށް ރިޢާޔަތްކޮށް ނަގައިދެވޭ ޢަދުލުވެރި ބަދަލަކަށްކަމަށެވެ. މިގޮތުން ވަޒީފާއާބެހޭ ޓްރައިބިއުނަލުން މިމައްސަލައިގެ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި އިޝާރާތްކުރެވުނު ސުޕްރީމް ކޯޓުގެ ޤަޟިއްޔާގައި ފާހަގަކޮށްފައިވާ އިޖުރާއީ ޢަދުލުވެރިކަން ގާއިމުކުރުމަށް ހޭދަވަނޭކަމަށް ބެލެވޭ މުއްދަތަށާއި ވަޒީފާ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މުއްދަތަކަކަށް ރިޢާޔަތްކޮށްފައިނުވާކަމަށެވެ. މިކަންކަމުގެ ތަފްސީލްތައް އިސްތިއުނާފު ފޯމުގައި ބަޔާންކޮށްފައިވެއެވެ. އިސްތިއުނާފުކުރާ ފަރާތުން އެދޭ ގޮތް:

17އިސްތިއުނާފުކުރާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:239/VTR/2021 މައްސަލަ ނިންމުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިނުވާކަމަށް ކަނޑައަޅާފައިވަނީ މިމައްސަލައިގެ ވަށައިގެންވާ ވާޤިޢާތަކާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ ވަޒީފާގެ އެއްބަސްވުމަށާއި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް ހުށަހެޅުނު ލިޔެކިޔުންތަކަށް ރިޢާޔަތްކުރުމެއްނެތިކަމަށާއި، މިމައްސަލައަކީ self-termination އާއި ގުޅޭ މައްސަލައަކަށްވުމުން، މިމައްސަލައަށް ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 2010/HC-A/208 ޤަޟިއްޔާގައި ކަނޑައަޅުއްވާފައިވާ ހާލަތްތައް ތަޠުބީޤުނުކުރެވޭނެކަމަށް ކަނޑައަޅައިދެއްވުމަށާއި އިސްތިއުނާފު ރައްދުވާ ފަރާތުގެ ވަޒީފާއިން ވަކިކުރުމުގައި އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކޮށްފައިވާކަމަށް ކަނޑައަޅާދެއްވައި، އިސްތިއުނާފުކުރާ ފަރާތުން އިޖްރާއީ އަދުލުވެރިކަން ޤާއިމްކޮށްފައިނުވާކަމަށް ބަހުސްގެ ބޭނުމަށް ބެލިނަމަވެސް، މިމައްސަލައިގައި ގެއްލުމުގެ ބަދަލު ނަގާދީފައިވަނީ ސުޕްރީމް ކޯޓުގެ ނަންބަރު:2019/SC-A/17 ޤަޟިއްޔާގައި ކަނޑައަޅާފައިވާ އުސޫލާއި ޚިލާފަށްކަމަށްވުމުން، އިސްތިއުނާފު ރައްދުވާ ފަރާތަށް ނަގާދީފައިވަނީ އެފަރާތަށް ލިބެންޖެހޭ ހައްޤު ބަދަލެއް ނޫންކަމުގައި ކަނޑައަޅާދީ މިމައްސަލަ ނިންމާދެއްވުމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން ދެއްކި ވާހަކަތައް:

18އިސްތިއުނާފު ރައްދުވާ ފަރާތުން އިސްތިއުނާފީ ނުކުތާގެ ޖަވާބު ތަފްޞީލްކޮށް އިސްތިއުނާފީ ދައުވާގެ ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ. މިމޭރުމުން ޝަރީޢަތުގެ މަޖިލީހުގައިވެސް އެނުކުތާތަކާއި ގުޅިގެން ވަރަށް ތަފްޞީލްކޮށް ވާހަކަ ދައްކާފައިވެއެވެ. މިތަފްޞީލުތަކަކީ ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓުގައި ހިމެނޭނެ ބައެއްކަމަށްވާތީ، ޚުލާޞާ ގޮތެއްގައި އެކަންކަން ބަޔާންކުރާނަމަވެ. މިގޮތުން؛

18.1- އިސްތިއުނާފީ ފުރަތަމަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ނިންމުން ބިނާވަނީ ޖަވާބުދާރީވުމުގެ ފުރުސަތު ދީފައި ނެތުމުގެ މައްޗަށްކަމަށެވެ. އަދި އެކަން ސާބިތުކޮށްދިނުމަށް އެއްވެސް ހެއްކެއް ހުށަހެޅުމެއް ނެތްކަމުގެ މައްޗަށްކަމަށެވެ. އިސްތިއުނާފުކުރާ ފަރާތުން ހުށަހަޅާފައިވާ ނުކުތާގައިވެސް ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނިންމުން ބިނާކުރި ސަބުބުތައް ބަދަލުވާފަދަ ޤާނޫނީ ސަބަބެއް ހުށަހަޅާފައިނުވާކަމަށެވެ. މިކަންކަމުގެ ތަފްސީލްތައް ޖަވާބު ފޯމުގައި ބަޔާންކޮށްފައިވެއެވެ.

18.2- އިސްތިއުނާފީ ދެވަނަ ނުކުތާގެ ޖަވާބުގައި އިސްތިއުނާފު ރައްދުވާ ފަރާތުން ބުނެފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ 10 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ވަޒީފާދޭ ފަރާތުން ވަޒީފާގެ އެއްބަސްވުން ބާޠިލްކުރާއިރު ދޭންޖެހޭ ނޯޓިހުގެ ވާހަކަކަމަށެވެ. އިސްތިއުނާފުކުރެވިމިވާ މައްސަލައިގައި ވަޒީފާދޭ ފަރާތުން ޚިޔާރުކޮށްފައިވަނީ ނޯޓިހެއް ދިނުމަކާނުލައި ވަޒީފާއިން ވަކިކުރަންކަމަށާއި، އެއީ ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުންކަމަށެވެ. މިހެންކަމުން ވަޒީފާއާބެހޭ އެއްބަސްވުމުގެ 10 ވަނަ މާއްދާ މިމައްސަލައަށް ތަޠުބީޤުކުރެވިދާނެ ކަމުގައި ނުދެކޭކަމަށެވެ. އަދި ބަދަލު ނަގާދީފައިވަނީ ވަޒީފާ އަދާކޮށްފައިވާ މުއްދަތަށާއި ވަޒީފާއިން ވަކިކުރުމަށް މެދުވެރިވި ސަބަބަށާއި، މުވައްޒަފުގެ ބައިވެރިވުން އޮތް މިންވަރަށާއި އަދި އެހެނިހެން ޤާނޫނީ އުޞޫލުތަކަށް ރިޢާޔަތްކޮށްކަމަށާއި މިފަދައިން ނިންމި ނިންމުން ޤާނޫނީ ގޯސްވި ގޮތެއް މިއިސްތިއުނާފީ ނުކުތާގައި ބުނެދެވިފައި ނުވާކަމަށެވެ. އިސްތިއުނާފު ރައްދުވާ ފަރާތުން އެދޭގޮތް:

19އިސްތިއުނާފު ރައްދުވާ ފަރާތުން އެދިފައިވަނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:239/VTR/2021 މައްސަލައިގެ ނިންމުން ގޯސްވާ ޝަރުޢީ އަދި ޤާނޫނީ އެއްވެސް ސަބަބެއް އިސްތިއުނާފުކުރާ ފަރާތަށް ބުނެދެވިފައިނުވާތީ، މިމައްސަލައިގައި ޓްރައިބިއުނަލުގެ ނިންމުން ރަނގަޅުކަމުގައި ދެކޭކަމަށެވެ. އަދި އެފަދައިން ކަނޑައަޅައިދިނުމަށް އެދޭކަމަށެވެ. ޝަރީޢަތަށް ފާހަގަކުރެވުނު ކަންތައްތައް:

20މިމައްސަލައާއި ގުޅިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:239/VTR/2021 މައްސަލަ ނިމުނު ގޮތުގެ ރިޕޯޓަށާއި، އެ މައްސަލަ އިސްތިއުނާފު ކުރުމަށް ރޮކްސީ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކަށާއި، އެނުކުތާތަކާއި ގުޅިގެން ދެފަރާތުން ހައިކޯޓުގެ ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މައްސަލައާއި ގުޅުންހުރި އެންމެހައި ލިއުންތަކަށް ބަލާއިރު އަންނަނިވި ކަންތައްތައް ޝަރީޢަތަށް ފާހަގަކުރެވެއެވެ.

21HN1މިމައްސަލައަކީ ރޮކްސީ މޯލްޑިވްސްގެ ފަރާތުން އިސްތިއުނާފުކުރި މައްސަލައެކެވެ. ޓްރައިބިއުނަލުން މިމައްސަލަ ނިންމިއިރު އޮތީ މައުޟޫއީ ޢަދުވެރިކަން ޤާއިމުވެފައި އޮތްކަމަށް ބަޔާންކޮށްފައެވެ. ވީމާ، ހަމައެކަނި މިކޯޓުން ބަލަންޖެހޭ އަސާސީ ކަމަކީ، ވަޒީފާއާބެހޭ ޓްރައިބިއުނަލުން އިޖުރާއީ ޢަދުލުވެރިކަން ޤާއިމްކޮށްފައި ނެތްކަމަށް ނިންމި ނިންމުން، މިމައްސަލައިގެ ވަށައިގެންވާ ވާޤިއާތަކާއި ދެފަރާތުގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަށާއި ޓްރައިބިއުނަލަށް ހުށަހެޅުނު ލިޔުންތަކަށް ނަޒަރުކޮށް ބަލާއިރު ރަނގަޅުތޯ ނުވަތަ ނޫންތޯއެވެ.

22HN2އިސްތިއުނާފުކުރާ ރޮކްސީ މޯލްޑިވްސް އާއި އިސްތިއުނާފު ރައްދުވާ ޙަސަން މުޙައްމަދު އާ ދެމެދު އޮތް "ކޮންޓްރެކްޓް އޮފް އެމްޕްލޯއިމެންޓް - ރިނިއުވަލް" (10 ފެބުރުއަރީ 2021) ގައި؛ “The Employer and Employee agree to enter into this contract as per the below terms and conditions;” މިފަދައިން ބަޔާންކޮށްފައި ވެއެވެ. މިއެއްބަސްވުމުގެ 9.5.5 ގައި ބަޔާން ކުރަނީ؛ “Unauthorized absence from work for more than three (3) days without prior approval from the management would be considered self-termination. Employer may ask for medical certificate even if the employee is absent for one (1) day.” މިފަދައިންނެވެ. އަދި މިއެއްބަސްވުމުގެ 14 ވަނަ މާއްދާގައި؛ “The employer maintains the right to transfer the employee to any of its properties.” މިފަދައިން ބަޔާންކޮށްފައި ވެއެވެ. ވީމާ، ހުއްދަނެތި ނުވަތަ ހުއްދަ ނުނަގައި 03 (ތިނެއް) ދުވަހަށްވުރެ އިތުރަށް މަސައްކަތަށް ޙާޟިރުނުވުމަކީ އަމިއްލައަށް ވަޒީފާ ދޫކޮށްލުންކަމަށް ބެލޭނެކަން އެނގެއެވެ. އަދި ވަޒީފާދިން ފަރާތަށް މުވައްޒަފު އެތަނުގެ އެހެން ތަނަކަށް މަސައްކަތް ކުރަން ބަދަލު ކުރެވިދާނެކަންވެސް އެނގެއެވެ. މިކަންކަމަށް ދެފަރާތުންވެސް މިވަނީ އެއްބަސްވެފައެވެ. މިއެއްބަސްވުމަކީ ޞައްޙަ އެއްބަސްވުމެއްކަމަށް ބުރަވެފައިވެއެވެ.

23ރޮކްސީ މޯލްޑިވްސް އާއި ޙަސަން މުޙައްމަދު އާ ދެމެދުގެ ވަޒީފާއަށް ހާޟިރުވުމާއި ގުޅޭ ގޮތުން، ކުރިން ހިނގާދިޔަ ކަންތައްތަކާއި ގުޅިގެން، ރޮކްސީ މޯލްޑިވްސް އިން 09 މެއި 2021 ފޮނުވި ވަޒީފާއިން ވަކިކުރި ނޯޓިސް އަނބުރާ ގެނެސްފައިވެއެވެ. އެކަން އެނގެނީ 08 ޖޫން 2021 ގައި އިސްތިއުނާފުކުރި ފަރާތުން ޙަސަން މުޙައްމަދުއަށް ފޮނުވި އީ-މެއިލް އިންނެވެ. އެމައިލްގައި ބަޔާން ކުރަނީ؛ “In submission of the above please note that notice of self-termination served to you on 9 May 2021 stand withdrawn.”

2409 މެއި 2021 ގެ ކުރިން ހިނގާ، ދިޔަކަންކަމަށްފަހު، 23 މެއި 2021 ގައި ރޮކްސީ މޯލްޑިވްސް އިން ޙަސަން މުޙައްމަދަށް ފޮނުވި އީ-މެއިލްއިން ޙަސަން މުޙައްމަދު ވަޒީފާއަށް ނިކުތުމަށް އަންގާފައިވަނީ ރިޒޯޓަށެވެ. އެކަން ސަބަބާއެކު ބަޔާންކޮށް އަންގާފައިވަނީ؛ “With reference to the telephonic discussion, we had with you on the subject today. We are happy to know about your wellbeing and also got to know that you are out of quarantine now. As we mentioned that there is not much work at the airport these days and Covid-19 cases are on the rise in Male’ City. So you are advised to report to the resort till further notice. Attached is your booking detail of TMA flight for tomorrow. Here we would like to mention that, this arrangement has been done according to clause no.14 of your employment contract, provided below for reference: “The employer maintains the right to transfer the employee to any of its properties” Also there should not be any problem to you by authorities so we have taken the approval from HPA for your travel, screenshot is attached.”

25ރޮކްސީ މޯލްޑިވްސްގެ މިއެންގުމާއި ގުޅިގެން ޙަސަން މުޙައްމަދުގެ ފަރާތުން ބުނެފައިވަނީ، މިހާކުއްލި ގޮތަކަށް ރިޒޯޓަށް މަސައްކަތު ނުކުތުމަށް އެންގުމުން، އެގޮތަށް އަމަލު ކުރުމަށް ދަތިކަމަށެވެ. އަދި އެގޮތަށް އެއްބަސްވެފައި ނުވާނެ ކަމަށް ބުނެއެވެ. މިކަން ބަޔާންކޮށް ޙަސަން މުޙައްމަދުގެ ފަރާތުން ފޮނުވި މެއިލްގައި ބަޔާން ކުރަނީ؛ “I believe I have already made my very own opinion and the reasons clear as an employee, why I wouldn’t be able to comply with this sudden decision of the company even in today’s phone conversation. I have the recording and I am certain that I haven’t agreed to comply nor to travel to the resort tomorrow. Furthermore, I would really appreciate it if you could refer to my earlier email and find a more suitable resolution accordingly. މިފަދައިންނެވެ. އޭގެ ފަހުން، ޙަސަން މުޙައްމަދުގެ ފަރާތުން ރޮކްސީ މޯލްޑިވްސްއަށް 27 މޭ 2021 ގައި ފޮނުވި މެއިލްގައި ބަޔާން ކުރަނީ؛ “Please kindly advise me when I can start attending my normal duties. It’s been 3 days since we spoke on this matter but I haven’t been informed of how to proceed in accordance with my request and earlier email. I look forward to hearing from you at your earliest convenience”

26ޙަސަން މުޙައްމަދު އެދޭ އެދުމާއި އެއްގޮތަށް ހުރިހާ ކަމެއް ރޮކްސީ މޯލްޑިވްސްއިން ހަމަޖައްސައި ނުދިންނަމަވެސް، ކުއްލިއަކަށް ރިސޯޓަށް މަސައްކަތަށް ދިއުމަށް އުޛުރުވެރިވެފައިވާތީ، އެކަމަށް ޙައްލެއް ގެނެސްދިންކަން އެނގެއެވެ. 08 ޖޫން 2021 ގައި ރޮކްސީ މޯލްޑިވްސް އިން ޙަސަން މުޙައްމަދަށް ފޮނުވި އީ-މެއިލްގައި ބަޔާންކޮށްފައިވަނީ؛ “We have reviewed your request and appreciate your willingness to return back to duties. However, as mentioned in my email dated 23 May 2021, we require further assistance on-site and need you to join the Island Host Team at the resort. Since, you have expressed your inability to shift to the resort on short notice, we hereby give you one month’s notice from the date of this letter, for you to join the Island Host Team at the resort by 7 July 2021. In submission of the above please note that the notice of self-termination served to you on 9 May 2021 stand withdrawal.”

27ރޮކްސީ މޯލްޑިވްސްގެ ފަރާތުން، ޙަސަން މުޙައްމަދު ގާތުގައި އެދިފައިވަނީ، ވަކި ގޮތެއް އަންގަންދެން ރިޒޯޓްގައި މަސައްކަތް ކުރުމަށް އެރިޒޯޓަށް މަސައްކަތު ނުކުތުމަށެވެ. ކުއްލިއަކަށް އެގޮތަށް ދިއުމަށް ދަތިކަމަށް ޙަސަން މުޙައްމަދުގެ ފަރާތުން ބުނުމުން، 01 (އެކެއް) މަސްދުވަހުގެ މުއްދަތެއް ރޮކްސީ މޯލްޑިވްސް އިން ހަމަޖައްސައިދީފައި ވެއެވެ. ނަމަވެސް ޙަސަން މުޙައްމަދުގެ ފަރާތުން 12 ޖޫން 2021 ގައި ރޮކްސީ މޯލްޑިވްސްއަށް އަންގާފައިވަނީ؛ “This is to inform you to proceed with the termination email you have sent in 9th May 2021.” މިފަދައިންނެވެ. ނަމަވެސް އެ ޓާރމިނޭޝަން ނޯޓިސް ބާޠިލުކުރެވިފައިވާކަމާއި، ޙާޟިރުނުވާ ދުވަސްތަކުގައި މަސައްކަތަށް ޙާޝިރު ނުވެވުނީ ކީއްވެގެންކަން ޙަސަން މުޙައްމަދުގެ ފަރާތުން ބަޔާންކޮށްދީފައިވަނީ ވަޒީފާއިން ވަކިކުރުމާއިގެން ކުރިއަށް ދިއުމުގެ ނިޔަތެއް ނެތިކަމާއި، މަސައްކަތާއި ގުޅެނީ ބޭނުންވާކަން ހާމަކޮށްފައި ވާތީ، ރިޒޯޓަށް މަސައްކަތު ނިކުތުމަށް 01 މަސްދުވަހުގެ މުއްދަތެއް ދެވިފައިވާކަން ތަކުރާރުކޮށް ރޮކްސީ މޯލްޑިވްސްއިން ބަޔާންކޮށް ފޮނުވި އީ-މެއިލްގައި އޮތީ؛ “We are saddened to hear that you would like us to proceed with the termination notice sent on 9th May 2021. Please note that the termination has been withdrawn and we have no intention to proceed with the termination, as you were able to substantiate your absence from work. Based on your request and willingness to join back the duties, please note that you have been given one month’s notice to join the Island Host Team at the resort by 7 July 2021.” މިފަދައިންނެވެ. ނަމަވެސް ޙަސަން މުޙައްމަދުގެ ޖަވާބަކަށް އަނެއްކާވެސްވީ، ވަޒީފާއިން ވަކިކުރުމަށް ކުރިން ފޮނުވި ނޯޓިހާއިގެން ކުރިއަށް ދާށެވެ. 15 ޖޫން 2021 ގައި ޙަސަން މުޙައްމަދު ފޮނުވި މެއިލްގައި ބަޔާންކޮށްފައިވަނީ؛ “This is to inform you to proceed with the termination email you have sent on 9th May 2021.” މިފަދައިންނެވެ. ނަމަވެސް ރޮކްސީ މޯލްޑިވްސްގެ ފަރާތުން 6 ޖުލައި 2021 ގައި، ވަޒީފާއަށް ރިސޯޓަށް ނިކުތުމަށް ދަތުރު ކުރުމުގެ ކަންކަން ހަމަޖައްސާފައިވާ ގޮތް ޙަސަން މުޙައްމަދުއަށް އަންގާފައިވެއެވެ. ނަމަވެސް ޙަސަން މުޙައްމަދުގެ ފަރާތުން މިކަމަށް އިޖާބަ ދީފައެއް ނެތެވެ.

28ޙަސަން މުޙައްމަދުގެ ޢަމަލުތައް މިހެން ހުރިއިރު، 9 ޖުލައި 2021 ގައި ރޮކްސީ މޯލްޑިވްސްއިން ޙަސަން މުޙައްމަދުއަށް ފޮނުވި މެއިލްގައި އޭނާ ވަޒީފާއިން ވަކިވެގެން ދިޔަ ގޮތް ސަބަބާއެކު ބަޔާންކޮށްފައިވެއެވެ. އެ މެއިލްގައި ބަޔާންކުރަނީ؛ “Further to our email to you on June 08, 2021. Wherein you were given one month’s notice to join the duties in the resort. You were supposed to report on duty on July 07, 2021, but you failed to report on duties. Again we arrange you transfer to the resort on July 09, 2021. This time too you did not report on duty neither you inform your manager about your absenteeism. Please note resort’s HR team has tried to connect with you via emails, mobile phone, and text messages. But we did not receive any response from you. From your unauthorized absence and failure to notify the employer of your inability to work, seems that you are no more interested to work with us and has forced us to consider this is a case of self-termination with effect from July 09, 2021. Based upon this we will make your final settlement and we will deposit all your dues, if any, in your bank account within 72 hours after the release of this mail. We wish you all the very best in your future endeavors”

29HN4ނޯޓިސް ދިނުމަކާއި ނުލައި މުވައްޒަފަކު ވަޒީފާއިން ވަކިކުރާ ޙާލަތުގައި، އިޖުރާއީ ޢަދުލުވެރިކަން ގާއިމުވެފައިވާކަމަށް ޢާންމު ޙާލަތުގައި ކަނޑައެޅޭނީ ވަޒީފާދޭ ފަރާތުން އެންމެ ކުޑަމިނުން އަންނަނިވި ކަންކަން ފުރިހަމަކޮށްފައިވާ ނަމަކަމަށް ހައިކޯޓުގެ ނަންބަރު:2010/HC-A/208 ޤަޟިއްޔާއާ ޙަވާލާދީ ބަޔާންކޮށްފައިވަނީ؛

29.1 މުވައްޒަފުގެ މައްޗަށް ތުހުމަތު ކުރެވޭ ކަމާބެހޭ މަޢުލޫމާތު، އެއިރަކު ދެވެންހުރި ހުރިހާ ތަފުޞީލަކާއެކު، އެމުވައްޒަފަކަށް ވަޒީފާ ދޭ ފަރާތުން ދިނުމަށްފަހު؛

29.2 އެ ތުހުމަތުތަކާމެދު ޖަވާބުދާރީވުމުގެ ފުރުޞަތު އެ މުވައްޒަފަށް ދިނުމަށްފަހު އަދި އެފަދަ ފުރުޞަތެއްގައި އެ މުވައްޒަފަކު ކަނޑައަޅާ މީހެއްގެ އެހީތެރިކަން ހޯދުމަށް އެދިއްޖެނަމަ އެ ފުރުޞަތު ދިނުމަށްފަހު؛

29.3 އެމައްސަލަ އިދާރީ ގޮތުން ތަޙްޤީޤުކުރުމަށްފަހު؛

29.4 ވަޒީފާއާބެހޭ ޤާނޫނުގެ 23 ވަނަ މާއްދާގެ ދަށުން ފުރިހަމަވާންޖެހޭ ދެ ޝަރުޢު ފުރިހަމަވާކަން، އެކުރެވޭ ތަޙްޤީޤަކަށް ފެނި، އެ މުވައްޒަފަކު ވަކިކުރަން ނިންމައިފިނަމަ، އެ މުވައްޒަފަކު ވަކިކޮށްފައިވާކަން، ވަކިކުރި ސަބަބުތަކާއެކު އެ މުވައްޒަފަކަށް އަންގާފައިވާނަމަ އެވެ. އެހެން ޢަމަލުކޮށްފައި ނެތްނަމަ، އިޖުރާއީ ޢަލުވެރިކަން ފުރިހަމަކޮށްފައި ނެތްކަމަށް ބެލެވޭނެ ކަމަށް ބަޔާން ކޮށްފައިވެއެވެ.

30HN3އިސްވެ ބަޔާންކުރެވުނު ކަންކަމަށް ބަލާއިރު، ރޮކްސީ މޯލްޑިވްސް އިން އިސްތިއުނާފު ރައްދުވާ ޙަސަން މުޙައްމަދު ވަޒީފާއިން ކަނޑާލީ ކަމަކަށް ސަބަބުވެރި ހަމައަކުން ބަލާއިރު، ބުނެވޭކަށް ނެތެވެ. ޙަސަން މުޙައްމަދުގެ ވަޒީފާއިން އޭނާ ވަކިވެގެންދިޔައީ ރޮކްސީ މޯލްޑިވްސް އާއި ޙަސަން މުޙައްމަދުއާ ދެމެދު ވެފައިވާ ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރާ ގޮތަށް ވަޒީފާ ދިންފަރާތުގެ ހުއްދަނެތި ވަޒީފާއަށް ނުނިކުމެ ހުރުމުގެ ސަބަބުންކަން ސާފުވެއެވެ. ވަޒީފާ އަދާކުރާންޖެހޭ ތަނަކީ ރިޒޯޓް ކަމަށް ރޮކްސީ މޯލްޑިވްސްއިން ކަނޑައެޅީވެސް ވަޒީފާއާބެހޭ އެއްބަސްވުމަށް ޙަވާލާދީ އެ އެއްބަސްވުމުގެ ދަށުން އެކަން ކުރުމުގެ ޙައްޤު ދީފައި އޮތުމުންނެވެ. ރިޒޯޓްއަށް ވަޒީފާއަށް ނިކުތުމަށް އެންގީ ކުއްލިއަކަށްކަމަށް ބުނެ އެކަމަށް ޙަސަން މުޙައްމަދު އުޛުރުވެރިވުމުން، އެކަމަށްވެސް ރިޢާޔަތްކޮށް 01 (އެކެއް) މަސް ދުވަސް ދީފައި އޮތްކަން އެނގެއެވެ. އެއީ ރިޒޯޓްއަށް އައުމަށްޓަކައި ތަކުރާރުކޮށް ޓިކެޓް ނަގައި އެކަން ވަމުންދާގޮތް ޙަސަން މުޙައްމަދަށް އަންގަމުން ގޮސްފައިވާތީއެވެ. މިމައްސަލައިގައި، ވަޒީފާ ދިން ފަރާތުން ޢަމަލު ކުރަމުން ގޮސްފައިވަނީ ވަޒީފާގެ އެއްބަސްވުމުގެ ތެރެއިން އަދި އެއެއްބަސްވުމުގެ ބޭރުންވެސް ދެވެންހުރި ލުއިތައް ދީގެންކަން ސާފުކޮށް އެނގެއެވެ. މިމައްސަލައިގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު، ޙަސަން މުޙައްމަދުގެ ވަޒީފާ ގެއްލުނީ ކީއްވެތޯ ސުވާލު ކުރެވިއްޖެނަމަ ދެވޭނެ ސާދަ ޖަވާބަކީ އޭއީ އޭނާގެ "ބޯހަރުކަމުން" ކުރިމަތިވި ކަމެއްކަމެވެ. އެކަން އެގޮތަށް ކުރުމަށް ޓްރައިބިއުނަލްގައިވެސް އަދި މިކޯޓުގައިވެސް އޭނާގެ ފަރާތުން ދެއްކި އެއްވެސް ޤާނޫނީ ސަބަބެއް ނެތެވެ. ދެފަރާތުގެ ދެމެދުގައި އޮތް ވަޒީފާގެ އެއްބަސްވުމަށް ބަލާއިރު، ވަޒީފާ ދިންފަރާތުން ރިޒޯޓުގައި ވަގުތީ ގޮތުން މަސައްކަތް ކުރުމަށް ނިކުތުމަށް އެންގުމުން، އެއެންގުން ބޮލާލައި ޖަހައި، ގޮތުގައި ހިފަހައްޓައިގެން ވަޒީފާއަށް ނުނިކުމެ ހުރެވޭނެ ޤާނޫނީ ސަބަބެއް، އުޛުރެއް ނެތެވެ.

31HN5ވަޒީފާ ދޭފަރާތުން މީހަކަށް ވަޒީފާ ދެނީ ހަމައެކަނި މުސާރަ އާއި އިނާޔަތްތައް ދިނުމުގެ ބޭނުމުގައި ތަބައްރުޢުގެ ގޮތަކުންނޫނެވެ. ވީމާ، މުވައްޒަފަށް ޤާނޫނުން ލިބިދޭ ޙައްޤުތަކާއި އެއްވަރަށް އޭނާގެ ކިބައިގައި އަދާކުރަންޖެހޭ ޒިންމާތަކެއްވެސް އުފަންވާނެއެވެ. ވަޒީފާއާބެހޭ މައްސަލަތަކާއި ގުޅިގެން، މުވައްޒަފަށް ލިބިދޭންޖެހޭ ޙައްޤުތަކަށް ވަޒީފާދިން ފަރާތުން އިހުމާލުވެފައިވޭތޯ ހަމައެކަނި ބެލުމުގެ ބަދަލުގައި، މުވައްޒަފު އަދާކުރަންޖެހޭ ޒިންމާތަކާމެދު އޭނާ ޢަމަލު ކުރިގޮތްވެސް ބަލާންޖެހޭނެވެ. މިމައްސަލައިގައި، އިޖުރާއީ ޢަދުލުވެރިކަން ޤާއިމުކުރުމަށްޓަކައި ރޮކްސީ މޯލްޑިވްސްގެ ފަރާތުން އިތުރަށް ކުރަންޖެހޭ އެއްވެސްކަމެއް އޮތްކަމަށް މިމައްސަލައިގެ ކަންހިނގާދިޔަ ގޮތަށް ބެލުމުން ނެތްކަން ސާފުވެއެވެ.

ނިންމުން

32ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:239/VTR/2021 މައްސަލަ އިސްތިއުނާފުކުރުމަށް ރޮކްސީ މޯލްޑިވްސްގެ ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް އެނިންމުމުގެ އެބަޔަށް ބަދަލު ގެންނަންޖެހޭ ކަމަށް އަހުރެންނަށް ބުރަވެއެވެ.

ފަނޑިޔާރު ޙަސަން ޝަފީޢުގެ ރައުޔު

33މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

ފަނޑިޔާރު ޢަބްދުލްމާނިޢު ޙުސައިންގެ ރައުޔު

34މިމައްސަލައިގައި ފަނޑިޔާރު މުޙައްމަދު ނިޔާޒްގެ ރައުޔަށް އަހުރެން ތާޢީދު ކުރަމެވެ.

އިސްތިއުނާފުކުރުމުގެ އިޖުރާއަތު ބަޔާންކޮށްދިނުން

35މި ޤަޟިއްޔާގައި ދިވެހިރާއްޖޭގެ ހައިކޯޓުން ޙުކުމް ކުރުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މި ޤަޟިއްޔާ އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ ޙައްޤު މައްސަލައިގެ ޚަސްމުންނަށް ލިބިގެންވެއެވެ. އެގޮތުން އިސްތިއުނާފުކުރުމަށް ހުށަހެޅުމުގެ މުއްދަތަކީ ދިވެހިރާއްޖޭގެ ހައިކޯޓުން މި ޤަޟިއްޔާގައި ޙުކުމް ކުރާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. އަދި އެ މުއްދަތުގެ ތެރޭގައި ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނަށް ޙަވާލުކޮށްފައިނުވާނަމަ، އިސްތިއުނާފުކުރުމުގެ މުއްދަތު ގުނަން ފަށާނެ ތާރީޚަކީ ޝަރީޢަތްނިމުނުގޮތުގެ ރިޕޯޓު ޚަސްމުންނާ ޙަވާލުކުރާ ތާރީޚެވެ. އެހެންނަމަވެސް ޝަރީޢަތް ނިމުނުގޮތުގެ ޚުލާސާ އަށް ބިނާކޮށްވެސް އިސްތިއުނާފަށް ހުށަހެޅިދާނެއެވެ. ● ޙުކުމް: ދެންފަހެ، ބަޔާންވެދިޔަ ސަބަބުތައް އެހެން ހުރުމުން، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނަންބަރު:239/VTR/2021 ނިންމުމުގައި، "...ޙަސަން މުޙައްމަދު ވަޒީފާއިން ވަކިކޮށްފައިވަނީ އިޖުރާއީ ޢަދުލުވެރިކަން (procedural fairness) ޤާއިމުކުރުމެއްނެތި ކަމަށް...." ވަޒީފާއާބެހޭ ޓްރައިބިއުނަލުން ބަލާފައިވަނީ ޤާނޫނީ ރަނގަޅު ހަމައަކުން ނޫން ކަމަށްވާތީ، އެބައި ބާޠިލުކުރުމާއިއެކު، އެކަމާއި ގުޅުވައި ޙަސަން މުޙައްމަދަށް ބަދަލުގެ ގޮތުގައި -$1200 (އެއްހާސް ދުއިސައްތަ އެމެރިކާ ޑޮލަރު) ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނަގައިދިން ދިނުން ބާޠިލުކަމަށް ދިވެހިރާއްޖޭގެ ހައިކޯޓުގައި މިމައްސަލަ ބެލި ފަނޑިޔާރުންގެ ޢިއްތިފާޤުން ކަނޑައަޅައި ޙުކުމްކޮށްފީމެވެ މިޤާސިއްޔާ ބަލައި ޙުކުމް ކުރީ:

ފުޓްނޯޓު

  1. ރަޖިސްޓްރޭޝަން ނަންބަރު: C-0443/2016
  2. އައި.ޑީ ކާރޑް ނަންބަރު:
  3. އެމްޕްލޮއިމަންޓް ކޮންޓްރެކްޓް
  4. ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރޮކްސީ މޯލްޑިވްސްގެ ފަރާތުން 12 ޑިސެންބަރު 2021 ގައި ދީފައިވާ ބަޔާން
  5. ރޮކްސީ މޯލްޑިވްސްގެ އެޗް.އާރު މެނޭޖަރ 17 އޭޕްރީލް 2021 ގައި މުޙައްމަދު ޙަސަންއަށް ފޮނުވި އީމެއިލް
  6. ޙަސަން މުޙައްމަދު ފޮނުވި އެސް.އެމް.އެސް
  7. ރޮކްސީ މޯލްޑިވްސްގެ އެޗް.އާރު މެނޭޖަރ 09 މެއި 2021 ގައި މުޙައްމަދު ޙަސަންއަށް ފޮނުވި އީމެއިލް
  8. އބމ
  9. ޙަސަން މުޙައްމަދުގެ ފަރާތުން ފޮނުވާފައިވާ މެއިލް
  10. ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ނަންބަރު 23-INDIV/2021/108052 އައިސޮލޭޝަން/ކަރަންޓީން ނޯޓިސް
  11. ރޮކްސީ މޯލްޑިވްސްގެ އެޗް.އާރު މެނޭޖަރ 23 މެއި 2021 ގައި މުޙައްމަދު ޙަސަންއަށް ފޮނުވި އީމެއިލް
  12. ރޮކްސީ މޯލްޑިވްސްގެ އެޗް.އާރު މެނޭޖަރ 08 ޖޫން 2021 ގައި މުޙައްމަދު ޙަސަންއަށް ފޮނުވި އީމެއިލް
  13. ޙަސަން މުޙައްމަދުގެ ފަރާތުން ރޮކްސީ މޯލްޑިވްސްއަށް 12 ޖޫން 2021 ގައި ފޮނުވި އީމެއިލް.
  14. ވަޒީފާއާބެހޭ ޓްރައިބިއުނަލުން މައްސަލަ ނިންމި ގޮތުގެ ރިޕޯޓުގެ 7.1 ވަނަ ނުކުތާތަގައި.
  15. . ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ހ)
  16. . ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ށ)
  17. . ޤާނޫނު ނަންބަރު 32/2021 (މަދަނީ އިޖުރާއަތުގެ ޤާނޫނު) ގެ 284 ވަނަ މާއްދާގެ (ނ)
ޙުކުމުގެ ޕީޑީއެފް ހުޅުވާ

މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.

ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް

ޝަރީޢަތުގެ ވީޑިއޯ

ހައިކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.

ޝެއަރ ކުރައްވާ