ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ވ. މޯލްޑިވްސް ޕޮލިސް ސަރވިސް
ޚުލާޞާ
- ކޯޓަށް އައި ގޮތް
- މަދަނީ ކޯޓުން (2007/MC/1602) ކަނޑައެޅީ ދަޢުވާކުރުމުގެ ޙައްޤު ވާރިޘުންނަށް ލިބިފައިވާތީ، މިއީ ކޮމިޝަނަށް ހުށަހެޅޭނެ މައްސަލައެއް ނޫންކަމަށެވެ. ހައިކޯޓުން (126/HC-A/2008) އެ ޙުކުމަށް ތާއީދުކުރިއެވެ.
- ވާޤިޢާ
- މަސްތުވާތަކެތީގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ބަންދުކޮށްފައި ހުރި މީހަކު 2005 މާރޗްގައި ގޮޅީގެ ތެރޭގައި މަރުވިއެވެ. އެ މަރުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނެ، ވާރިޘުންނަށް ބަދަލު ދޭން ކަނޑައަޅައިދިނުމަށް އެދި ހިއުމަން ރައިޓްސް ކޮމިޝަނުން ފުލުހުންގެ މައްޗަށް މަދަނީ ކޯޓުގައި ދަޢުވާ ކުރިއެވެ.
- ކޯޓުން ނިންމަން ޖެހުނު ސުވާލު
- ބަންދުގައި ހުއްޓައި މަރުވި މީހެއްގެ މަރުގައި ފުލުހުންގެ އިހުމާލު އޮތްކަމަށް ބުނެ، ވާރިޘުންނަށް ބަދަލު ހޯދައިދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނަށް މަދަނީ ދަޢުވާ ކުރުމުގެ ޙައިޘިއްޔަތު ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ލިބިގެންވޭތޯ.
- ޚަޞްމުންގެ ހުށަހެޅުންތައް
- ކޮމިޝަނުން ބުނީ ހައިކޯޓުގެ ޙުކުމަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ދީމިޤްރާޠީ މުޖްތަމަޢުތަކުގެ ހަމަތަކާ ޚިލާފު ޙުކުމެއް ކަމަށާއި، ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ދަޢުވާ ކުރުމުގެ ޙައްޤު ކޮމިޝަނަށް ލިބިގެންވާ ކަމަށެވެ.
- ކޯޓުގެ ސަބަބުތައް
- މިއީ ޖިނާއީ ކުށަކުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމުގެ މަދަނީ ދަޢުވާއެކެވެ؛ ޖިނާއީ ދަޢުވާ އުފުލުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސްއޫލިއްޔަތެވެ. މަދަނީ ބަދަލު ހޯދުމުގެ ޙައިޘިއްޔަތު ލިބިގެންވަނީ ހަމައެކަނި ވާރިޘުންނަށެވެ. ކޮމިޝަނުގެ ދައުރަކީ ޕެރިސް ޕްރިންސިޕަލްސްގެ ދަށުން އިސްތިޝާރީ ދައުރެއް ކަމުން، 24 ވަނަ މާއްދާގެ (ށ) އިން ކޮމިޝަނަށް އަމިއްލަ ފަރުދުންގެ ޙައްޤުތަކުގެ މައްޗަށް ދަޢުވާ ކުރުމުގެ ޙައިޘިއްޔަތު ނުލިބެއެވެ.
ކުރީގެ ތާރީޚު / ފަހުގެ ތާރީޚު
- ކުރީގެ ތާރީޚު
- 126/HC-A/2008
- ފަހުގެ ތާރީޚު
- —
ނިންމުން
ދަށު ކޯޓުގެ ނިންމުން ދަމަހައްޓާފައިހައިކޯޓުގެ ޙުކުމް ޤާއިމް؛ މި ދަޢުވާއަކީ ހިއުމަން ރައިޓްސް ކޮމިޝަނަށް ކުރެވޭނެ ދަޢުވާއެއް ނޫން
ކޯ ޓާމްސް
ކަނޑައެޅި ޤާނޫނީ އުޞޫލުތައް
ޖިނާއީ ކުށަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރާ މަދަނީ ދަޢުވާއާއި، ޖިނާއީ ކުށަކާއި ނުލައި ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރާ މަދަނީ ދަޢުވާއާ މި ދެވައްތަރުގެ ދަޢުވާގެ މެދުގައި އަސާސީ ތަފާތެއް ވެއެވެ. އެއީ ދަޢުވާގެ ސަބަބެއް ކަމަށްވާ ވާޤިޢާ ނުވަތަ ގެއްލުމުގެ މަޞްދަރަކީ ފުރަތަމަ ވައްތަރުގެ ދަޢުވާގައި ޖަރީމާ ނުވަތަ ޖިނާއީ ކުށް ކަމަށް ވީހިނދު، ދެވަނަ ވައްތަރުގެ ދަޢުވާގައި ގެއްލުމުގެ މަޞްދަރަކީ ޖިނާއީ ކުށެއް ނޫން ކަމެވެ.
އެއްވެސް ފަރާތެއްގެ އިހުމާލުގެ ސަބަބުން އިންސާނެއްގެ ފުރާނަ ނެތިގެން ދިއުމަކީ ޖިނާއީ ކުށެކެވެ. އިސްލާމީ ޖިނާއީ ނިޒާމުގައި އެފަދަ ކުށް ތަކްޔީފުކުރެވެނީ "ޤަޞްދަކާއި ނުލައި މެރުން" (القتل الخطأ) ގެ ޢާންމު މަފްހޫމުގެ ތެރޭގައި ހިމެނޭ ކުށެއްގެ ގޮތުގައި ކަމާއި، އެފަދަ ކުށެއްގެ އަސްލީ އަދަބަކީ "ދިޔަ" އެވެ. ދިޔަ ވަންނަނީ މަރުވި މީހާގެ ވާރިޘުންގެ މުދަލުގެ ތެރެއަށް ކަމުން، އިސްލާމީ ފިޤްހުގައި ދިޔައަކީ އަދަބަކަށް ވުމުގެ އިތުރުން، ކުށުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލުގެ ގޮތުގައިވެސް ބެލެވެއެވެ.
ޖިނާއީ ދަޢުވާއަކީ މުޖުތަމަޢުގެ ޙައްޤެކެވެ. އެ ދަޢުވާ ކަމާއިބެހޭ ކޯޓަށް ހުށަހަޅައި ހިންގުމުގައި މުޖްތަމަޢު ތަމްސީލުކުރަނީ ޤާނޫނީގޮތުން އެ ބާރު ލިބިގެންވާ އިދާރާއަކުންނެވެ؛ ދިވެހިރާއްޖޭގައި އެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވަނީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ދަށުން ޕްރޮސެކިއުޓަރ ޖެނެރަލްއާ އެވެ.
ބަންދުގައި ހުއްޓައި މީހަކު މަރުވުމާ ގުޅިގެން އުފެދޭ ޖިނާއީ ޝުބްހާގެ ޙަޤީޤަތް ފާޅުވެގެން ދިއުމަކީ މުޅި މުޖްތަމަޢުގެ ޙައްޤެކެވެ. އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ، ވާނަމަ ތުހުމަތު ވަނީ ކާކުގެ މައްޗަށްކަން ކަނޑައެޅުމަށް ޖިނާއީ ތަޙުޤީޤެއް ކުރެވެންޖެހޭނެއެވެ. ތަޙުޤީޤުން ޙާޞިލުކުރެވުނު ދަލީލުތަކާއި ހެކިތައް ވަޒަންކުރުމަށްފަހު ދަޢުވާކުރާނެ ތަނެއް އޮތްނަމަ ޕްރޮސެކިއުޓަރ ޖެނެރަލް ކަމާއިބެހޭ ޖިނާއީ ކޯޓަށް މައްސަލަ ހުށަހަޅަންޖެހޭނެއެވެ؛ ނުފެންނަނަމަ ދަޢުވާކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ ފައިލް ކުރަންޖެހޭނެއެވެ.
ދިވެހި އިސްލާމީ މުޖްތަމަޢު ބިނާވެފައިވާ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ނިޒާމު ޢާންމު (public order) އާއި ޝަރުޢީ އަދި ޤާނޫނީ ނިޒާމަށް ބަލާއިރު، މުޖްތަމަޢުގެ އަފްރާދުންގެ އިންފިރާދީ ޙައްޤުތަކުގެ މައްޗަށް ދަޢުވާ ކުރެވޭނީ ހަމައެކަނި އެފަރާތަކަށް ނުވަތަ އެ ފަރާތެއް ތަމްސީލުކުރާ ފަރާތަކަށެވެ. ޖިނާއީ ކުށެއްގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުމެއްގެ ބަދަލުގެ މައްޗަށް މަދަނީގޮތުން ދަޢުވާ އުފުލުމުގެ ޙައްޤު ބިނާވާން ވާނީ ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ދަޢުވާގެ މައްޗަށެވެ.
ކޯޓުތަކުން ދަޢުވާ ބަލައިގަތުމުގެ ޝަރުޠުތަކުގެ ތެރެއިން، ދަޢުވާކުރާ ފަރާތަކީ ދަޢުވާކުރުމުގެ މަޞްލަޙަތު އޮތުމުގެ އިތުރުން އެ ދަޢުވާކުރުމުގެ ޙައިޘިއްޔަތު (الصفة/capacity) އޮތް ފަރާތަކަށް ވުމަކީ އެ ޝަރުޠަކާއި ނުލައި ދަޢުވާ ބަލައި ނުގަނެވޭނެ ޝަރުޠެކެވެ. ދަޢުވާގެ މައުޟޫޢަކީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ކަމުގައި ވީހިނދު، އެ ޙައްޤު ނުވަތަ ޤާނޫނީ މަރުކަޒުގެ ވެރިޔާއަކީ ދަޢުވާ ކުރުމުގެ އީޖާބީ ޙައިޘިއްޔަތު ޤާނޫނީ ގޮތުން އޮތް ފަރާތެވެ. ބަންދުގައި ހުއްޓައި މަރުވި މީހެއްގެ މަރު ފުލުހުންގެ މުވައްޒަފެއްގެ އިހުމާލުން ކަމަށް ވާނަމަ، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ މަދަނީ ބަދަލު ހޯދުމުގެ ޙައްޤަކީ މަރުވި މީހާގެ ވާރިޘުންގެ ޝަޚްޞީ ޙައްޤެކެވެ؛ އެ މައްސަލައާ ގުޅިގެން ދަޢުވާކުރުމުގެ ޙައިޘިއްޔަތު އޮންނާނީ ހަމައެކަނި ވާރިޘުންނަށެވެ.
މައުޟޫޢީގޮތުން ދަޢުވާކުރުމުގެ ޙައްޤެއް ނެތް ފަރާތަކަށްވެސް ބައެއް ޙާލަތްތަކުގައި ޤާނޫނުގެ ޞަރީޙަ ނައްޞަކުން ދަޢުވާ އިޖްރާއީގޮތުން އުފުލުމުގެ ޙައިޘިއްޔަތު ލިބިގެންވެއެވެ؛ އޭގެ މިސާލަކީ އަސާސީ ޙައްޤުތަކުން މަޙުރޫމްކުރެވިފައިވާ ބަލިކަށި ޖަމާޢަތެއްގެ ބަޔަކަށް ޙައްޤު ހޯދައިދިނުމުގެ މަޤްޞަދުގައި 'ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަން' ގެ ދަޢުވާ އުފުލުމުގެ ބާރެވެ. ބަންދުގައި ހުއްޓައި މީހަކު މަރުވުމުގެ މައްސަލައަކީ އެ މަފްހޫމުގެ ތެރެއަށް ވަދެފައިވާ މައްސަލައެއް ނޫނެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅިގެންވާންވާނީ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި ޤާނޫނުއަސާސީގެ 192 ވަނަ މާއްދާގެ ޙުދޫދުގެތެރޭގައި ޕެރިސް ޕްރިންސިޕަލްސް އަސާސަކަށް ބަލައިގެންނެވެ. ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގައި އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތައް ކަނޑައެޅިފައިވަނީ އިންސާނީ ޙައްޤުތަކާއިބެހޭ ޤައުމީ މުއައްސަސާތަކުގެ އިސްތިޝާރީ ދައުރު ފަހަނަޅާ ނުދާގޮތަކަށެވެ.
ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި އިންސާނީ ޙައްޤަކާ ޚިލާފުވެފައިވާ މައްސަލަތައް ޝަރީޢަތަށް ހުށަހަޅައިގެން ނިންމުމުގެ ޙައްޤު ކޮމިޝަނަށް ލިބިދީފައިވުމުގެ މާނައަކީ، ޞުލްޙަވެރި ޙައްލެއް ނުހޯދޭނަމަ ނުވަތަ ރަނގަޅުކުރުމަށް އެންގުމުން ރަނގަޅު ނުކުރާނަމަ، އެމައްސަލައެއް ކަމާއިބެހޭ ކޯޓަކަށް ހުށަހަޅައިގެން އެކަމެއް ރަނގަޅުކުރުމުގެ އަމުރެއް ލިބިގަތުމުގެ ޙައިޘިއްޔަތެވެ. އެއީ މުޅި ޝަރުޢީ ނިޒާމު ބިނާވެފައިވާ އުޞޫލުތަކާއި ޚިލާފަށް މީސްމީހުންގެ އަމިއްލަ ޙައްޤުތަކުގެ މައްޗަށް ދަޢުވާކުރުމުގެ ޙައިޘިއްޔަތު ލިބިދިނުމެއް ނޫނެވެ.
ބަލާފައިވާ ޤާނޫނުތަކާއި ސާބިޤާތައް
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 192 ވަނަ މާއްދާ
- ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާ
- ޤާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ށ)
- ކީރިތި ޤުރުއާން، ސޫރަތުއް ނިސާއު: 92
- ވިއެންނާ ޑިކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން (1993) ގެ ފުރަތަމަ ސެކްޝަންގެ 36 ވަނަ މާއްދާ
- ޕެރިސް ޕްރިންސިޕަލްސް (ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީ، 20 ޑިސެމްބަރު 1993)
ފަނޑިޔާރުން
- ބެންޗު
- އަޙްމަދު ފާއިޒު ޙުސައިން، ޢަބްދުﷲ ސަޢީދު، ޑރ. އަޙްމަދު ޢަބްދުﷲ ދީދީ
- ރިޔާސަތު
- އަޙްމަދު ފާއިޒު ޙުސައިން
- ޚިލާފު ރައުޔު
- ނެތް
ޝަރީޢަތުގެ ވީޑިއޯ
ސުޕްރީމް ކޯޓުގެ ޔޫޓިއުބް ޗެނަލުން، މައްސަލަ ނަންބަރުން ގުޅާފައި.
ޙުކުމުގެ ލިޔުން
ކޯޓުން ޝާއިޢުކުރި ޙުކުމުގެ ލިޔުން. ޚަޞްމުންގެ އެޑްރެސްއާއި ކާޑު ނަންބަރު ފޮރުވާފައި. ޕެރެގްރާފް ނަންބަރު މި ލިޔުމުގައި ނެތް، ޙަވާލާދިނުމަށް ޕީޑީއެފް ބައްލަވާ.
މައްސަލައިގެ ޚުލާޞާ
މިއީ، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 126/HC-A/2008 ޤަޟިއްޔާ ނިމިފައިވަނީ ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތަށް ނޫންކަމަށް ބުނެ އެ ޤަޟިއްޔާ އިލްތިމާސް ކޮށްދިނުމަށް އެދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ބެލިފައިވާ މައްސަލައެކެވެ. މިޤަޟިއްޔާގައި ދަޢުވާލިބޭ ފަރާތަކީ ދިވެހި ދައުލަތުގެ އެޓާރނީ ޖެނެރަލް އެވެ. އަދި ބުނެވިދިޔަ ހައިކޯޓުގެ ނަންބަރު 126/HC-A/2008 ޤަޟިއްޔާ އަކީ، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1602 ޤަޟިއްޔާ ނިމިފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާ އެކެވެ.
ފާހަގަ ކުރެވުނު ނުކުތާތައް
މިމައްސަލާގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށާއި، ޤާނޫނުތަކަށާއި، ދަޢުވާކުރާ ފަރާތުންނާއި ދަޢުވާލިބޭ ފަރާތުން ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ މަޖިލީހަށް ހުށަހެޅި ލިޔުންތަކަށާއި، ޝަރީޢަތުގެ މަޖިލީހުގައި ދައްކާފައިވާ ވާހަކަތަކަށާއި، މަދަނީ ކޯޓުގެ ނަންބަރު 2007/MC/1602 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި ހައިކޯޓުގެ ނަންބަރު 126/HC-A/2008 ޤަޟިއްޔާގެ ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުގެ މައްޗަށާއި، ދީމްޤުރާޠީ އެކިއެކި މުޖްތަމަޢުތަކުގައި އިންސާނީ ޙައްޤުތަކާބެހޭ ޤައުމީ މަޖިލިސްތަކުގެ އިޚްތިޞާޞް ކަނޑައަޅެމުގައި ރިޢާޔަތް ކޮށްފައިވާ ޤާނޫނީ ހަމަތަކުގެ މައްޗަށް ޝަރުޢީ އަދި ޤާނޫނީ ނަޒަރަކުން ވިސްނައި ބެލިއިރު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިމައްސަލަ ބެލި ފަނޑިޔާރުންނަށް އަންނަނިވި ކަންތައްތައް ފާހަގަކުރެވިފައިވެއެވެ.
ހ- ފުރަތަމަ ކަމަކީ، މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވުނު […] މުޢާވިޔަތު މަޙުމޫދު ބަންދުކޮށްފައިހުރި ކ.ދޫނިދޫގައިވާ ގޮޅީގެ ތެރޭގައި 09 މާރޗް 2005 ވަނަ ދުވަހު މުޢާވިޔަތު މަޙުމޫދު މަރުވެފައިވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިހުމާލު އޮތްކަމަށް ބުނެ، މިމަރުގެ ޒިންމާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނަގައި މަރުގެ ބަދަލު މުޢާވިޔަތު މަޙުމޫދުގެ ވާރިޘުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދޭންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް މަދަނީ ކޯޓުގައި، އެކޯޓުގެ ނަންބަރު 2007/MC/1602 ޤަޟިއްޔާ އިން ދަޢުވާކުރުމުން ބަލައި ނިންމާފައިވާ ޤަޟިއްޔާގެ ޙުކުމުގައި "....މިމައްސަލަ ހުށަހެޅުމުގެ ޙައްޤު މުޢާވިޔަތު މަޙުމޫދުގެ ވާރިޘުންގެ ކިބައިން ގެއްލިފައިނުވާތީއާއި، މުޢާވިޔަތު މަޙުމޫދުގެ ވާރިޘުންނަށް ސީދާ ކޯޓުގައި ދަޢުވާކުރުމުގެ ޙައްޤު ލިބިފައިވަނިކޮށް، އެފަރާތުން އެޙައްޤާއިމެދު ދަޢުވާނުކުރާ އަމިއްލަ ފަރުދުންގެ މިފަދަ ފަރުދީ ޙައްޤަކާއިމެދު ދަޢުވާކުރުމުގެ ޙައްޤު، ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) ން އެކޮމިޝަނަށް ލިބިދީފައި އޮތްކަމަށް ބެލެވެން ނެތްކަމަށްވާތީ، މިމައްސަލައަކީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ހުށަހެޅޭނެ މައްސަލައެއް ނޫންކަމަށް ކަނޑައަޅައި ޙުކުމްކޮށްފީމެވެ"، މިހެން ބަޔާންވެގެންވާއިރު، ބުނެވިދިޔަ މަދަނީ ކޯޓުގެ ނަންބަރު 2007/MC/1602 ޤަޟިއްޔާ ނިންމާފައިވާ ގޮތް ޝަރުޢީ އަދި ޤާނޫނީ ހަމަތަކާ އެއްގޮތް ނުވާކަމަށް ބުނެ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން އެޤަޟިއްޔާ އިސްތިއުނާފު ކޮށްދިނުން އެދި ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހެޅި އެކޯޓުގެ ނަންބަރު 126/HC-A/2008 ޤަޟިއްޔާގެ ޙުކުމުގައި އިސްވެ ބަޔާންވެގެންދިޔަ މަދަނީ ކޯޓުގެ ނަންބަރު 2007/MC/1602 ޤަޟިއްޔާގައި ކޮށްފައިވާ ޙުކުމަށް ތާއީދުކޮށްފައިވާކަން އެނގެން އޮންނައޮތުމެވެ.
ށ- ދެވަނަ ކަމަކީ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް މަދަނީ ކޯޓުގައި، އެކޯޓުގެ ނަންބަރު 2007/MC/1602 ޤަޟިއްޔާ އިން ކުރި ދަޢުވާގެ ޚުލާޞާއަށް ބެލުމުން، އެ ދަޢުވާއަކީ ޖިނާއީ ކުށެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޮށްފައިވާ މަދަނީ ދަޢުވާއެއްކަމާއި، ޖިނާއީ ކުށަކުން ލިބޭ ގެއްލުމުގެ ބަދަލު ހޯދުމަށް ކުރާ މަދަނީ ދަޢުވާއާއި، ޖިނާއީ ކުށަކާއި ނުލައި ލިބޭގެއްލުމުގެ ބަދަލު ހޯދުމަށް ކުރާ މަދަނީ ދަޢުވާއާއި މި ދެވައްތަރުގެ ދަޢުވާގެ މެދުގައި އަސާސީ ތަފާތެއް ވާކަމާއި، އެއީ ދަޢުވާގެ ސަބަބެއް ކަމަށްވާ ވާޤިޢާ ނުވަތަ ގެއްލުމުގެ މަޞްދަރަކީ ފުރަތަމަ ވައްތަރުގެ ދަޢުވާގައި ޖަރީމާ ނުވަތަ ޖިނާއީ ކުށް ކަމަށް ވީހިނދު، ދެވަނަ ވައްތަރުގެ ދަޢުވާގައި ގެއްލުމުގެ މަޞްދަރަކީ ޖިނާއީ ކުށެއް ނޫންކަން އެނގޭކަމެވެ.
ނ- ތިންވަނަ ކަމަކީ، އެއްވެސް ފަރާތެއްގެ އިހުމާލުގެ ސަބަބުން އިންސާނެއްގެ ފުރާނަ ނެތިގެން ދިއުމަކީ އެންމެހައި ޤާނޫނީ ނިޒާމުތަކުގައި ޖިނާއީ ކުށެއްކަން އެނގެން އޮންނަކަމާއި، އިސްލާމީ ޖިނާއި ނިޒާމުގައި އެފަދަ ކުށް ޤާނޫނީ ގޮތުން ތަކްޔީފުކުރެވެނީ "ޤަޞްދަކާއި ނުލައި މެރުން" ނުވަތަ "އަލް ޤަތުލު އަލް ޚަޠައު" (القتل الخطأ) ގެ ޢާންމު މަފްހޫމުގެތެރޭގައި ހިމެނޭ ކުށެއްގެ ގޮތުގައި ކަމާއި، އެފަދަ ކުށެއްގެ އަސްލީ ޢުޤޫބާތަކީ ނުވަތަ އަދަބަކީ އިސްލާމީ ޝަރީޢަތުގައި "ދިޔަ" (الدّية) ކަން 'އައް ނިސާއު' ސޫރަތުގެ (92) ވަނަ އާޔަތުން ރަނގަޅަށް އެނގެން އޮންނަ ކަމާއި، "ދިޔަ" އަކީ ކަނޑައެޅިގެންވާ މިންވަރެއްގެ ފައިސާ ނުވަތަ މުދާކަމާއި، އެފައިސާ ނުވަތަ މުދާ އިޝާރާތްކުރެވުނު 'އިހުމާލުން މަރުވުމުގެ' ކުށް ސާބިތުވާފަރާތުގެ އަތުން ނަގައި ދެވުމަކީ ޙަޤީޤަތުގައި ޖިނާއީ އަދަބެއްކަމުގައި ވިއަސް އެފައިސާ ނުވަތަ މުދާ ވަންނަނީ އެކުށުގެ ސަބަބުން މަރުވިމީހާގެ ވާރިޘުންގެ މުދަލުގެ ތެރެއަށްކަމުން އިސްލާމީ ފިޤްހުގައި 'ދިޔަ' އަކީ އަދަބަކަށް ވުމުގެ އިތުރުން، ކުށުގެ ސަބަބުން ލިބޭ ގެއްލުމުގެ 'ބަދަލު' (compensation) ގެ ގޮތުގައިވެސް ބެލެވޭކަން އިސްލާމީ ފިޤްހުން އެނގެން އޮންނަކަމެވެ.
ރ- ހަތަރުވަނަ ކަމަކީ، ޖިނާއީ ދަޢުވާއަކީ ތަހުޒީބުވެފައިވާ އެންމެހައި މުޖުތަމަޢުތަކުގައި މުޖުތަމަޢުގެ ޙައްޤެއްކަމާއި، އެ ދަޢުވާ ކަމާއިބެހޭ ކޯޓަށް ހުށަހަޅައި ހިންގުމުގައި މުޖްތަމަޢު ތަމްސީލުކުރަނީ ޤާނޫނީގޮތުން ޖިނާއީ ދަޢުވާ ކޯޓަށް ހުށަހަޅައި ހިންގުމުގެ ބާރު ލިބިގެންވާ އެއް އިދާރާއަކުން ކަމާއި، ޤާނޫނަކުން ބާރުލިބިގެން ޖިނާއީ ދަޢުވާ ކޯޓަށް އުފުލުމުގެ ޙައްޤު ބައެއް ފަހަރު ތަފާތު އެހެން އިދާރާތަކަށް ލިބިގެންވިއަސް އެ ދަޢުވާ ހިންގައި ކުރިއަށްގެންދިއުމަކީ ހުރިހައި މުޖްތަމަޢުތަކުގައިވެސް އެތަނެއްގެ 'ޕަބްލިކް ޕްރޮސެކިއުޓަރ' ނުވަތަ އެޓާރނީ ޖެނެރަލްގެ އެކަނި މަސްއޫލިއްޔަތެއްކަން އެނގެން އޮންނައިރު، ދިވެހިރާއްޖޭގައި ޖިނާއީ ދަޢުވާ ކަމާއިބެހޭ ކޯޓަށް ހުށަހަޅައި ހިންގުމުގެ ބާރު ކުރީގައި އޮންނަނީ ދިވެހި ދައުލަތުގެ އެޓާރނީ ޖެނެރަލްއަށްކަމާ، އަދި މިހާރު އެ މަސްއޫލިއްޔަތު ޙަވާލުކުރެވިފައިވަނީ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްއާއި ކަން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާއިން ސާފުކޮށް އެނގެން އޮންނަކަމެވެ.
ބ- ފަސްވަނަ ކަމަކީ، ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން […] މުޢާވިޔަތު މަޙުމޫދު ބަންދުކޮށްފައިހުރި ކ.ދޫނިދޫގައިވާ ގޮޅީގެ ތެރޭގައި 09 މާރޗް 2005 ވަނަ ދުވަހު މުޢާވިޔަތު މަޙުމޫދު މަރުވެފައިވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިހުމާލު އޮތްކަމަށް ބުނެ، މިމަރުގެ ޒިންމާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނަގައި މަރުގެ ބަދަލު މުޢާވިޔަތު މަޙުމޫދުގެ ވާރިޘުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދޭންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި މަދަނީ ކޯޓުގައި، އެކޯޓުގެ ނަންބަރު 2007/MC/1602 ޤަޟިއްޔާ އިން ކުރި ދަޢުވާއަކީ އޭގެޒާތުގައި ޖިނާއީ ކުށެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޮށްފައިވާ މަދަނީ ދަޢުވާއެއް ކަމުގައި އެނގެން އޮވެފައި، މުޢާވިޔަތު މަޙުމޫދުގެ މަރާއި ގުޅިގެން އުފެދުނު ޖިނާއީ ޝުބްހާ (criminal suspicion) ގެ ޙަޤީޤަތް ފާޅުވެގެން ދިއުމަކީ މުޅި މުޖްތަމަޢުގެ ޙައްޤެއްކަމާއި، މިގޮތުން މުޢާވިޔަތު މަޙުމޫދު ކ.ދޫނިދޫގައިވާ ގޮޅީގެ ތެރޭގައި ބަންދުކޮށްފައި ހުއްޓައި މަރުވުމުގައި އެއްވެސް ފަރާތެއްގެ އިހުމާލެއް ވޭތޯ ނުވަތަ ނޫންތޯ އާއި، އިހުމާލެއް ވާނަމަ އެކުށުގެ ތުހުމަތު ވަނީ ކާކުގެ ނުވަތަ ކޮންބައެއްގެ މައްޗަށްކަން ކަނޑައެޅުމަށްޓަކައި ޖިނާއީ ތަޙުޤީޤެއް ކުރެވެންޖެހޭނެކަމާއި، ތަޙުޤީގުން ޙާޞިލުކުރެވުނު ދަލީލުތަކާއި ހެކިތައް ވަޒަންކުރުމަށްފަހު ޖިނާއީ ދަޢުވާކުރާނެ ތަނެއް އޮތްކަމަށް ފެންނަނަމަ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ކަމާއިބެހޭ ޖިނާއީ ކޯޓަށް އެމައްސަލަ ހުށަހަޅަންޖެހޭނެކަމާއި، ތަޙުޤީގުން ޙާޞިލުކުރެވުނު ދަލީލުތަކާއި ހެކިތަކުން ޖިނާއީ ދަޢުވާ އުފުލާނެ ތަނެއް އޮތްކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްއަށް ނުފެންނަނަމަ އެ މައްސަލައިގައި ދަޢުވާކުރާނެ ތަނެއް ނެތްކަމަށް ކަނޑައަޅައި މައްސަލަ 'ފައިލް' ކުރަންޖެހޭނެކަމީ މުޖުތަމަޢުގައި ޖިނާއީ ކުށެއްކުރެވިއްޖެކަމުގެ ތުހުމަތުކުރެވުމުން ޕްރޮސެކިއުޓަރ ޖެނެރަލް އޭގެ މައްޗަށް ޢަމަލުކުރުން ލާޒިމްވެގެންވާ ކަމެއްކަން އެނގެން އޮންނައިރު، ބުނެވިދިޔަ މުޢާވިޔަތު މަޙުމޫދުގެ މަރާއި ގުޅިގެން އެއްވެސް ޖިނާއީ ތަޙުޤީޤެއް ކުރެވި އެ މައްސަލާގައި ދަޢުވާ އުފުލާންޖެހޭކަން ނުވަތަ ނޫންކަން، މުޢާވިޔަތު މަޙުމޫދުގެ މަރުގެ ޙާދިސާ ހިނގިއިރު ޖިނާއީ ކުށްތަކާ ގުޅިގެން ދިވެހިރާއްޖޭގައި ކުރާ ދަޢުވާތަކާބެހޭ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ޤާނޫނީގޮތުން އުފުލަމުން އައި ދިވެހި ދައުލަތުގެ އެޓާރނީ ޖެނެރަލްގެ ފަރާތުން ނުވަތަ 7 އޯގަސްޓް 2008 ގެ ފަހުން އެ މަސްއޫލިއްޔަތު ޤާނޫނީގޮތުން އުފުލަންޖެހޭ ފަރާތްކަމަށްވާ ދިވެހިރާއްޖޭގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ ފަރާތުން ނިންމާފައިވާކަން އެނގެން ނެތްކަން ފާހަގަކުރެވޭކަމެވެ.
ޅ- ހަވަނަ ކަމަކީ، ޖިނާއީ ކުށެއްގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކުރާ މަދަނީ ދަޢުވާއަކީ، މިޒަމާނުގެ ގިނަ ޖުރިސްޑިކްޝަންތަކުގައި ޖިނާއީ ދަޢުވާގެ ޙުކުމުގެ މައްޗަށް ބިނާވެގެން ނޫނީ ފައިޞިލާ ނުކުރެވޭނެ ދަޢުވާއެއްކަމާއި، މިގޮތުން ޖިނާއީ ދަޢުވާގެ ޙުކުމުގައި މުއްތަހަމު މީހާގެމައްޗަށް ކުށް ސާބިތު ނުވާކަމަށް ނިންމާފައިވާނަމަ، މަދަނީ ބަދަލެއް އެކުށާ ގުޅިގެން ނަގާނުދެވޭނެކަމާއި، އަދި ޖިނާއީ ކުށަކާއި ގުޅިގެން ޖިނާއީ ކޯޓުގައި ޝަރީޢަތެއް ހިނގަމުން ދަނިކޮށް، ހަމަ އެ ކުށާއި ގުޅިގެން ބަދަލު ހޯދުމަށް މަދަނީ ކޯޓަށް ހުށަހަޅާ މައްސަލައިގެ ޝަރީޢަތް، ޖިނާއީ ކޯޓުގައި ހިނގަމުން ދިޔަ ޝަރީޢަތް ނިމެންދެން ފަސްކުރެވެން ޖެހޭނެކަމާއި، އެހެންނަމަވެސް ޖިނާއީ ކުށެއްގެ ސަބަބުން ގެއްލުންލިބުނު ފަރާތުގެ ކުރިމަތީގައި ޖިނާއީ ދަޢުވާ އުފުލުމުގެ އެންމެހައި ފުރުޞަތު ގެއްލިއްޖެނަމަ، ނުވަތަ އެފަދަ ކުށަކާގުޅިގެން ޖިނާއީ ދަޢުވާ ކަމާއިބެހޭ ކޯޓުގައި އުފުލުމުގެ ކުރިންވެސް ކުށުގެ ސަބަބުބުން ސީދާ ގެއްލުން ލިބުނު ފަރާތަށް އެ ގެއްލުމުގެ ބަދަލު ހޯދުމަށް މަދަނީ ގޮތުން ދަޢުވާ ކުރެވުމަކީ މިޒަމާނުގެ ގިނަ ޖުރިސްޑިކްޝަންތަކުގައި ހުއްދަކަމެއްކަން އެނގެން އޮތްކަމުގައި ވިއަސް ދިވެހި އިސްލާމީ މުޖްތަމަޢު އެ މައްޗަށް ބިނާވެފައިވާ އުޞޫލުތަކުގެ މައްޗަށާއި ދިވެހިރާއްޖޭގެ ނިޒާމު ޢާންމު (public order) ގެ މައްޗަށާއި ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ނިޒާމު ބިނާވެފައިވާ ގޮތުގެ މައްޗަށް ބަލާއިރު މުޖްތަމަޢުގެ އަފްރާދުންގެ އިންފިރާދީ ޙައްޤުތަކުގެ މައްޗަށް ދަޢުވާ ކުރެވޭނީ ހަމައެކަނި އެފަރާތަކަށް ނުވަތަ އެ ފަރާތެއް ތަމްސީލުކުރާ ފަރާތަކަށްކަން އެނގެން އޮންނަކަން ފާހަގަކުރެވިފައިވާއިރު، ޖިނާއީ ކުށެއްގެ ނަތީޖާއެއްގެ ގޮތުން ލިބޭ ގެއްލުމެއްގެ ބަދަލުގެ މައްޗަށް މަދަނީގޮތުން ދަޢުވާ އުފުލުމުގެ ޙައްޤު ބިނާވާން ވާނީވެސް ދިވެހިރާއްޖޭގައި ޖިނާއީ ކުށުގެ ދަޢުވާގެ މައްޗަށްކަން ރަނގަޅަށް އެނގެން އޮންނަ އޮތުމެވެ.
ކ- ހަތްވަނަ ކަމަކީ، އެންމެހައި ޤާނޫނީ ނިޒާމުތަކުގައި ކޯޓުތަކުން ދަޢުވާ ބަލައިގަތުމުގެ ޝަރުޠުތަކެއް ވާކަމާއި، އެ ޝަރުޠުތަކުގެ ތެރެއިން ދަޢުވާކުރާ ފަރާތަކީ ދަޢުވާކުރުމުގެ މަޞްލަޙަތު އޮތުމުގެ އިތުރުން އެ ދަޢުވާކުރުމުގެ ޙައިޘިއްޔަތު ("الصفة"/capacity) އޮތް ފަރާތަކަށް ވުމަކީ ތަފާތު ޖުރިސްޑިކްޝަންތަކުގެ އިޖްރާއާތުގެ ޤާނޫނުގައި އެ ޝަރުޠަކާއި ނުލައި ދަޢުވާ ބަލައި ނުގަނެވޭނެ ޝަރުޠެއް ކަމާއި، ދަޢުވާގެ މައުޟޫޢަކީ ޙައްޤެއް ނުވަތަ ޤާނޫނީ މަރުކަޒެއް ކަމުގައި ވީހިނދު، އެ ޙައްޤު ނުވަތަ ޤާނޫނީ މަރުކަޒުގެ ވެރިޔާއަކީ ދަޢުވާ ކުރުމުގެ އީޖާބީ ޙައިޘިއްޔަތު ޤާނޫނީ ގޮތުން އޮތް ފަރާތް ކަމާއި، އިސްވެ އިޝާރާތްކުރެވުނު […] މުޢާވިޔަތު މަޙުމޫދު ބަންދުކޮށްފައިހުރި ކ.ދޫނިދޫގައިވާ ގޮޅީގެ ތެރޭގައި 09 މާރޗް 2005 ވަނަ ދުވަހު މަރުވެފައިވަނީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މުވައްޒަފެއްގެ ނުވަތަ މުވައްޒަފުންތަކެއްގެ އިހުމާލުންކަމަށް ވާނަމަ، އޭގެ ސަބަބުން ލިބުނު ގެއްލުމުގެ މަދަނީ ބަދަލު ހޯދުމުގެ ޙައްޤަކީ މުޢާވިޔަތު މަޙުމޫދުގެ ވާރިޘުންގެ ޝަޚްޞީ ޙައްޤެއްކަމާއި، އެހެންކަމުން އެ މައްސަލައާއި ގުޅިގެން ދަޢުވާކުރުމުގެ ޙައިޘިއްޔަތު ޤާނޫނީގޮތުން އޮންނާނީ ހަމައެކަނި މުޢާވިޔަތު މަޙުމޫދުގެ ވާރިޘުންނަށް ކަމާއި، އަދި އެއީ އެއްވެސް ޙާލަތެއްގައި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ޙައްޤެއް ނޫންކަން ތަހުޒީބުވެފައިވާ މުޖްތަމަޢުތަކުގެ މަދަނީ އަދި ޖިނާއީ އިޖްރާއާތްތަކުގެ ޤާނޫނުތަކަށް ނަޒަރުކުރުމުން އެނގެން އޮންނަކަމެވެ.
އ- އަށްވަނަ ކަމަކީ، މައުޟޫޢީގޮތުން ދަޢުވާކުރުމުގެ ޙައްޤެއް ނެތް ފަރާތަކަށްވެސް ބައެއް ޙާލަތްތަކުގައި ޤާނޫނުގެ ޞަރީޙަ ނައްޞަކުން ދަޢުވާ އިޖްރާއީގޮތުން އުފުލުމުގެ ޙައިޘިއްޔަތު ލިބިގެންވާކަމާއި، މިގޮތުން އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމުގެ ދާއިރާއަށް ބަލާއިރު މީގެ އެންމެ ފުރިހަމަ މިސާލަކީ މުޖުތަމަޢެއްގައި އަނިޔާ ލިބި އަސާސީ ޙައްޤުތަކުން މަޙުރޫމްކުރެވިފައިވާ ބަލިކަށި ޖަމާޢަތެއްގެ ބަޔަކަށް ޙައްޤު ހޯދައިދިނުމުގެ މަޤްޞަދުގައި 'ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަން" ގެ ދަޢުވާ އުފުލުމުގެ ބާރު، މައްސަލައިގެ އެއްވެސް ފަރްދީ މަޞްލަޙަތެއް ނެތް ޢާންމު މަޞްލަޙަތައްޓަކައި މަސައްކަތްކުރާ ފަރާތްތަކަށާއި ޖަމްޢިއްޔާތަކަށާއި މުއައްސަސާތަކަށް ބައެއް ޖުރިސްޑިކްޝަންތަކުގެ ޤާނޫނުތަކުން ދީފައިވާކަން އެނގެން އޮންނައިރު، އިސްވެ ބަޔާންވެގެން ދިޔަ މުޢާވިޔަތު މަޙުމޫދުގެ މަރުގެ މައްސަލައަކީ 'ޕަބްލިކް އިންޓަރެސްޓް ލިޓިގޭޝަން" ގެ މަފްހޫމުގެ ތެރެއަށް ވަދެފައިވާ މައްސަލައެއް ނޫންކަން ފާހަގަކުރެވޭ ކަމެވެ.
ވ- ނުވަވަނަ ކަމަކީ، ތަފާތު ޤައުމުތަކުގައި އިންސާނީ ޙައްޤުތައް ރައްކާތެރިކޮށް ކުރިއެރުވުމަށްޓަކައި އުފައްދާފައިވާ ޤައުމީ މުއައްސަސާތައް ޤާއިމުވެގެންވަނީ އަސާސީގޮތަކަށް ޖޫން 1993 ގައި "ވޯރލްޑް ކޮންފަރެންސް އޮން ހިޔުމަން ރައިޓްސް" އިން ފާސްކޮށްފައިވާ "ވިއެންނާ ޑިކްލެރޭޝަން އެންޑް ޕްރޮގްރާމް އޮފް އެކްޝަން" ގެ ފުރަތަމަ ސެކްޝަންގެ 36 ވަނަ މާއްދާއާއި، 20 ޑިސެމްބަރު 1993 ގައި ޔުނައިޓެޑް ނޭޝަންސްގެ ޖެނެރަލް އެސެމްބްލީ އިން ފާސްކޮށްފައިވާ "ޕެރިސް ޕްރިންސިޕަލްސް" (Paris Principles) ގައި ކަނޑައެޅި ބަޔާންވެގެންވާ މަބްދައުތަކުގެ މައްޗަށްކަމާއި، އެ މަބްދައުތަކަށް ނަޒަރު ހިންގާއިރު ބުނެވިދިޔަ މުއައްސަސާތަކުގެ އަސާސީ ދައުރަކީ އިސްތިޝާރީ (Advisory) ދައުރެއްކަމާއި؛ މި ގޮތުން ސަރުކާރަށާއި ޕާރލަމެންޓަށާއި އެ ނޫންވެސް އެހެން އިދާރާތަކަށް ނަޞޭޙަތާއި މަޝްވަރާ ދިނުމާއި، އިންސާނީ ޙައްޤުތަކާއި ބެހޭ މައްސަލަތަކާއި ގުޅިގެން ރައުޔުތަކާއި ރިޕޯރޓުތަކާއި ހުށަހެޅުންތައް ޢާންމުކުރުމާއި، އިންސާނީ ޙައްޤުތަކާއި ބެހޭ ބައިނަލް އަޤްވާމީ މިންގަނޑުތަކަށް ފެތޭގޮތަށް ވަޠަނީ ޤާނޫނުތައް ބައްޓަންކުރުމަށްޓަކައި ކުރަންޖެހޭ ދިރާސާތައް ކުރުމާއި، ހުށަހަޅަންޖެހޭ އާ ޤާނޫނުތަކާއި އިޞްލާޙުތައް ހުށަހެޅުމަށް ލަފާ ދިނުމާއި، އިންސާނީ ޙައްޤުތައް ނިގުޅައިގަނެވޭ ޙާލަތްތަކާއި ގުޅިގެން ތަޙުޤީޤުކޮށް ރިޕޯރޓު ނެރުމާއި، އެފަދަ ޙާލަތްތަކާއި ގުޅިގެން ޙައްލު ހޯދައިދޭން މަސައްކަތްކުރުމާއި، އެފަދަ ޙާލަތްތައް ކަމާއިބެހޭ އިދާރާތަކާއި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނެސް، އެފަދަ ޙާލަތްތައް ތަކުރާރުނުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާއި ބެހޭގޮތުން މަޝްވަރާއާއި އިރުޝާދު ދިނުމާއި، އިންސާނީ ޙައްޤުތަކާއި ބެހޭ މަޢުލޫމާތާއި ތަޢުލީމު ފެތުރުމަށް މަސައްކަތްކުރުމާއި، މިނޫންވެސް މިފަދަ މުހިއްމު އަދި ބިނާކުރުވަނިވި އިސްތިޝާރީ ޠަބީޢަތުގެ މަސައްކަތްތަކަކީ ބުނެވިދިޔަ އިންސާނީ ޙައްޤުތަކާއި ބެހޭ ޤައުމީ މުއައްސަސާތަކުގެ މަސްއޫލިއްޔަތު ތަކާއި ބާރުތަކުގެ ތެރޭގައި ހިމެނޭ ކަންކަންކަން އެނގެން އޮންނަކަމާއި، އިންސާނީ ޙައްޤުތަކާއި ބެހޭ ޤައުމީ މުއައްސަސާތައް ޤާއިމުކޮށް އިންތިޒާމުކުރުމުގައި ކޮންމެ ދައުލަތަކުންވެސް ޤައުމީފެންވަރެއްގައި އެ ދައުލަތުގެ ޟަރޫރަތްތަކަށް ރިޢާޔަތްކޮށް އެ ދައުލަތަށް އެންމެ މުނާސިބު އޮނިގަނޑެއް އިޚުތިޔާރުކުރުމަކީ އެ ދައުލަތަކަށް ލިބިގެންވާ ޙައްޤެއްކަމަށް "ވޯރލްޑް ކޮންފަރެންސް އޮން ހިޔުމަން ރައިޓްސް" އިން ކަށަވަކޮށްދޭކަން އެނގެން އޮންނަހިނދު، ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާއި ބެހޭ ޤައުމީ މުއައްސަސާގެ އޮނިގަނޑު ބިނާވެގެން ވާންވާނީ ދިވެހިރާއްޖޭގެ ނިޒާމު ޢާންމު އޭގެ މައްޗަށް ބިނާވެގެންވާ މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި ޤަވާޢިދުތަކާއި ފުށު ނާރާ ގޮތަކަށް ކަން އެނގެން އޮންނަކަމެވެ.
މ- ދިހަވަނަ ކަމަކީ، ދުނިޔޭގެ ތަފާތު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކާއި ބެހޭ ކޮމިޝަންތަކުގެ އިޚްތިޞާޞްތައް ކަނޑައެޅިގެންވަނީ އިސްވެ އިޝާރާތްކުރެވުނު "ޕެރިސް ޕްރިންސިޕަލްސް" ގައި ބަޔާންވެގެންވާ މަބްދައުތައް އަސާސެއްކަމަށް ބަލައި އޭގެ މައްޗަށް ރިޢާޔަތްކޮށްކަން އެ ޤައުމުތަކުގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަންތަކުގެ ޤާނޫނުތަކަށް ބެލުމުން އެނގޭކަމާއި، މިގޮތުން ދުނިޔޭގެ ތަފާތު ޤައުމުތަކުގެ އިންސާނީ ޙައްޤުތަކާބެހޭ ކޮމިޝަންތަކަށް އިންސާނީ ޙައްޤެއް ނިގުޅައިގަނެވިއްޖެ ކަމުގެ ޝަކުވާއެއް ފަރުދެއްގެ ފަރާތުން ހުށަހެޅިއްޖެނަމަ ޖުމްލަގޮތެއްގައި ޢަމަލުކުރާގޮތަކީ، އެ ފަދަ ޝަކުވާއެއް ބަލައި ތަޙުޤީޤުކޮށް ކަމާބެހޭ އޮތޯރިޓީތަކަށް ހުށަހަޅައި، އިންސާނީ ޙައްޤު ނިގުޅައިގަނެވުމުގެ ނަތީޖާއެއްގެ ގޮތުން ގެއްލުންވި ފަރާތަށް ބަދަލު ހޯދައިދިނުމުގައި އެހީތެރިކަން ފޯރުވުންކަން އެނގެން އޮންނަ ހިނދު، ދިވެހިރާއްޖޭގެ އިންސާނީ ޙައްޤުތަކާއި ބެހޭ ޤައުމީ މުއައްސަސާ ކަމުގައިވާ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ބާރުތަކާއި މަސްއޫލިއްޔަތުތައްވެސް ކަނޑައެޅިގެންވާންވާނީ މާތްވެގެންވާ އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 192 ވަނަ މާއްދާގެ ޙުދޫދުގެތެރޭގައި އިސްވެ ބަޔާންވެގެންދިޔަ "ޕެރިސް ޕްރިންސިޕަލްސް" އަސާސަކަށްބަލައިގެން ކަމުން، ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގައި އެ ކޮމިޝަނަށް ލިބިދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތައް ކަނޑައެޅިފައިވަނީ ބުނެވިދިޔަ "ޕެރިސް ޕްރިންސިޕަލްސް" ގައި ބަޔާންވެގެންވާ އިންސާނީ ޙައްޤުތަކާއިބެހޭ ޤައުމީ މުއައްސަސާތަކުގެ އިސްތިޝާރީ ދައުރު ފަހަނަޅާ ނުދާގޮތަކަށް ކަމާއި، އެހެންކަމުން އިސްވެ އިޝާރާތްކުރެވުނު […] މުޢާވިޔަތު މަޙުމޫދުގެ މަރުގެ ބަދަލަކީ އޭނާގެ ވާރިޘުންގެ ހަމައެކަނި ޙައްޤަކަށް ވީހިނދު، އެބަދަލު ހޯދުމަށް ޝަރީޢަތަށް ދިއުމަކީ ޤާނޫނު ނަންބަރު 2006/6 (ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު) ގެ 24 ވަނަ މާއްދާގެ (ށ) ގެ ދަށުން ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ލިބިގެންވާ ޙައްޤެއްކަމަށް ބުނެ، މަދަނީ ކޯޓުގައި ދަޢުވާ ކުރުމަކީ އޭގެޒާތުގައި އެ ކޮމިޝަނަށް ލިބިގެން ނުވާ ޙައްޤަކަށް ނުވަތަ ޤާނޫނީ މަރްކަޒަކަށް ދަޢުވާކުރުންކަމާއި، ބުނެވިދިޔަ މުޢާވިޔަތު މަޙުމޫދުގެ މަރުގެ މައްސަލައާއި ގުޅިގެން ޖިނާއީ ދަޢުވާ އުފުލުމުގެ ބާރު ދިވެހިރާއްޖޭގައި ލިބިގެންވަނީ ހަމައެކަނި މުޖްތަމަޢަށް ކަމާއި، އެކަމުގައި މުޖްތަމަޢު ތަމްސީލުކުރާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލް ކަމާއި، އަދި އެ މައްސަލައާއި ގުޅިގެން މަދަނީގޮތުން ދަޢުވާކުރުމުގެ ބާރު ޤާނޫނީގޮތުން ލިބިގެންވަނީ ހަމައެކަނި މުޢާވިޔަތު މަޙުމޫދުގެ ވާރިޘުންނަށްކަމީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި ނިޒާމް ޢާންމު އަށް ރިޢާޔަތްކޮށް، ޖަދަލު ނުކުރެވޭނެ ޙަޤީޤަތެއްކަން އެނގެން އޮންނަ ކަމެވެ.
ފ- އެގާރަވަނަ ކަމަކީ، ދިވެހިރާއްޖޭގައި ޖިނާއީ ދަޢުވާ އުފުލުމުގެ ބާރު ލިބިގެންވާ ފަރާތަކީ ޕްރޮސެކިއުޓަރ ޖެނެރަލް ކަމަށްވެފައި، އަދި މަދަނީ ދަޢުވާ އުފުލުމުގެ ޙައްޤުލިބިގެންވަނީ އިސްވެ އިޝާރާތްކުރެވުނު އުޞޫލުގެ މަތިން މަދަނީ ދަޢުވާ އުފުލުމުގެ ޤާނޫނީ ޙައިޘިއްޔަތު ލިބިގެންވާ ފަރާތަށް ވުމާއިއެކުވެސް، ހިޔުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނުގެ 24 ވަނަ މާއްދާގެ (ށ) ގައި އިންސާނީ ޙައްޤަކާ ޚިލާފުވެފައިވާ މައްސަލަތައް ޙައްލުކުރުމުގައި ޝަރީޢަތަށް ހުށަހަޅައިގެން ނިންމުމުގެ ޙައްޤު އެކޮމިޝަނަށް ލިބިގެންވާކަމަށް ބުނެފައި އެވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ނަޒަރުގައި، ދިވެހިރާއްޖޭގައި އިންސާނީ ޙައްޤުތަކަށް އަރައިގަތުމުގެ ޢަމަލެއް ހިންގާ ފަރާތާއި ހިޔުމަން ރައިޓްސް ކޮމިޝަނާއި ދެމެދު އެކަމާއި ގުޅިގެން ޞުލްޙަވެރި ޙައްލެއް ނުހޯދޭނަމަ ނުވަތަ އެކަމެއް ރަނގަޅުކުރުމަށް އެންގުމުން ރަނގަޅު ނުކުރާނަމަ އެމައްސަލައަކާ ގުޅިގެން ޤާނޫނީގޮތުން ހިޔުމަން ރައިޓްސް ކޮމިޝަނަށް ލިބިދޭ އިޚުތިޔާރަކީ އެމައްސަލައެއް ކަމާއިބެހޭ ކޯޓަކަށް ހުށަހަޅައިގެން އެކަމެއް ރަނގަޅުކުރުމުގެ އަމުރެއް ލިބިގަތުމުގެ ޙައިޘިއްޔަތުކަމާއި އެ ޙައިޡިއްޔަތު ހިޔުމަން ރައިޓްސް ކޮމިޝަނަށް ލިބިދެވިފައި އޮތުމުގެ މާނަޔަކީ ޖިނާއީ މައްސަލަތަކާ ގުޅިގެންނާއި އަދި މަދަނީ މައްސަލަތަކާ ގުޅިގެން މުޅި ޝަރުޢީ ނިޒާމު ބިނާވެފައިވާ އުޞޫލުތަކާއި ޚިލާފަށް މީސްމީހުންގެ އަމިއްލަ ޙައްޤުތަކުގެ މައްޗަށް ދަޢުވާކުރުމުގެ ޙައިޘިއްޔަތު ލިބިދިނުންނޫންކަން ރަނގަޅަށް އެނގޭކަމެވެ.
މިކަންކަން މިހެން ހުރުމާއި އެކު ހައިކޯޓުގެ ނަންބަރު 126/HC-A/2008 ޤަޟިއްޔާގައި ޙުކުމް ކޮށްފައިވަނީ ދިވެހިރާއްޖޭގައި ޢަމަލުކުރަންޖެހޭ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާއި ކުރިއަރާފައިވާ ދީމްޤުރާޠީ މުޖްތަމަޢުތަކުގައި ޢަމަލުކުރަމުންދާ ޤާނޫނީ ހަމަތަކާއި ޚިލާފަށްކަމަށްބުނެ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ސަބަބުތަކަކީ ޤާނޫނީގޮތުން ހަމަޖެހޭ އަސާސެއްގެ މައްޗަށް ބިނާވެފައިވާ ސަބަބުތަކެއް ނޫންކަން އެނގެއެވެ.
ޙުކުމް
އިސްވެ ބަޔާން ކުރެވުނު ޝަރުޢީ އަދި ޤާނޫނީ ސަބަބުތައް އެހެން ހުރުމާއި އެކު، މަސްތުވާތަކެތި ބޭނުންކުރުމާއި އެތަކެތީގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށަށް ގެނެވުނު […] މުޢާވިޔަތު މަޙުމޫދު ބަންދުކޮށްފައިހުރި ކ.ދޫނިދޫގައިވާ ގޮޅީގެ ތެރޭގައި 09 މާރޗް 2005 ވަނަ ދުވަހު މުޢާވިޔަތު މަޙުމޫދު މަރުވެފައިވުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިހުމާލު އޮތްކަމަށް ބުނެ، މިމަރުގެ ޒިންމާ މޯލްޑިވްސް ޕޮލިސް ސަރވިސް އިން ނަގައި މަރުގެ ބަދަލު މުޢާވިޔަތު މަޙުމޫދުގެ ވާރިޘުންނަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ދޭންޖެހޭނެކަމަށް ކަނޑައަޅައިދިނުމަށް އެދި ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ މައްޗަށް މަދަނީ ކޯޓުގައި އެކޯޓުގެ ނަންބަރު 2007/MC/1602 ޤަޟިއްޔާ އިން ކޮށްފައިވާ ދަޢުވާއަކީ ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އަށް ކުރެވޭނެ ދަޢުވާއެއް ނޫންކަމަށް މި މައްސަލަ ބެލި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާޤުން ކަނޑައަޅައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ނަންބަރު 126/HC-A/2008 ޤަޟިއްޔާގެ ޙުކުމަށް ތާއީދުކޮށްފީމެވެ.
އުއްތަމަ ފަނޑިޔާރު އަޙްމަދު ފާއިޒު ޙުސައިން
ފަނޑިޔާރު ޢަބްދުﷲ ސަޢީދު
ފަނޑިޔާރު ޑރ. ޢަހްމަދު ޢަބްދުﷲ ދީދީ
މި ޙުކުމުގެ ޚުލާޞާއާއި އުޞޫލުތައް ނަގާފައިވަނީ AI ބޭނުންކޮށް، އަދި ރިވިއު ނުކުރެވޭ. ޙަވާލާދިނުމުގެ ކުރިން ޕީޑީއެފް ބައްލަވާ.